-

ބޭންކިންގއާބެހޭ ގާނޫނު  (ގާނޫނު ނަންބަރު 24/2010) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2015-03)

 

ގާނޫނު ނަންބަރު 2010-24 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 2 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

2. (ހ) (4)  މާލީ ކުށްތައް ހުއްޓުވުން.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

4. (ހ) (3) ދޭސީ ބޭންކެއްގެ ނުވަތަ ބިދޭސީ ބޭންކެއްގެ ބްރާންޗެއް ނުވަތަ ސަބްސިޑިއަރީއެއް ރާއްޖޭގައި ހުޅުވުން.


3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 6 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

6. ލައިސަންސް ހޯދުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމަކަށް ލައިސަންސް ދޫކުރުން ނުވަތަ ނުކުރުން

(ހ) ލައިސަންސްއަށް އެދި ހުށަހަޅާ ފަރާތުން ހުށަހަޅަންޖެހޭ ހުރިހާ މައުލޫމާތެއް އެމް.އެމް.އޭ އަށް ހަމަޔަށް ލިބޭ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެމް.އެމް.އޭ އިން ލައިސަންސް ދޫކުރަންވާނެއެވެ. ނުވަތަ ލައިސަންސް ދޫނުކުރެވޭނެކަން އެ މުއްދަތުގެ ތެރޭގައި އެފަރާތަށް އަންގަންވާނެއެވެ. އެ މުއްދަތު ގުނުމުގައި އަމަލުކުރާނެ ގޮތް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި އެމް.އެމް.އޭ އިން ކަނޑައަޅައި އާންމުކުރަންވާނެއެވެ.


4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 6 ވަނަ މާއްދާގެ، ތިރީގައި ނަކަލުކޮށްފައިވާ، (ބ) އުނިކުރުން.

6. (ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 3 (ތިނެއް) މަސްދުވަހުގެ މުއްދަތުގެ ތެރޭގައި އެމް.އެމް.އޭ އިން، ލައިސަންސް ހޯދުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމަކަށް ހުއްދަ ދެވުނުކަން ނުވަތަ ނުދެވޭކަން އަންގާފައިނުވާނަމަ، ބެލެވޭނީ އެދިފައިވާ ލައިސަންސް ދޫކުރެވުނީކަމަށެވެ.


5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 28 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

28. ކްރެޑިޓް އެކްސްޕޯށަރގެ މިންގަނޑުތައް

(ހ) އެއްވެސް ބޭންކަކަށް ކްރެޑިޓް އެކްސްޕޯށަރގެ ގޮތުގައި ގިނަވެގެން ބެހެއްޓޭނީ މި ގާނޫނުގެ ދަށުން އެމް.އެމް.އޭ އިން ހަދާ ގަވާއިދުގައި ކަނޑައަޅާ މިންވަރެކެވެ. އަދި އެފަދަ ގަވާއިދަކުން، އަންނަނިވި ކަންކަން ކަނޑައެޅިދާނެއެވެ.

  1. އެއްފަރާތަކުން ނުވަތަ މި ގާނޫނުގެ ދަށުން އެމް.އެމް.އޭ އިން ހަދާ ގަވާއިދެއްގެ ދަށުން އެއްފަރާތެއް ކަމަށް ބަލަންޖެހޭނެ ފަދަ ގުޅިފައިވާ ފަރާތްތަކުން، ކްރެޑިޓް އެކްސްޕޯށަރގެ ގޮތުގައި ގިނަވެގެން ބެހެއްޓޭނެ މިންވަރު؛
  2. މި ގާނޫނުގެ ދަށުން އެމް.އެމް.އޭ އިން ހަދާ ގަވާއިދެއްގެ ދަށުން މާނަކުރާ ކޯޕަރޭޓް ގްރޫޕަކަށް ކްރެޑިޓް އެކްސްޕޯށަރގެ ގޮތުގައި ގިނަވެގެން ބެހެއްޓޭނެ މިންވަރު؛
  3. މި ގާނޫނުގެ ދަށުން އެމް.އެމް.އޭ އިން ހަދާ ގަވާއިދެއްގެ ދަށުން ލާޖް އެކްސްޕޯށަރކަމަށް ބަޔާންކުރާ ހުރިހާ ދަރަނިތައް ގިނަވެގެން ބެހެއްޓޭނެ މިންވަރު.

(ށ) ސީދާ ސަރުކާރަށް ދޫކުރާ ދަރަނި، ނުވަތަ ސަރުކާރުގެ މިނިސްޓްރީއެއް ނުވަތަ އޭޖެންސީއަކަށް ދޫކުރާ ދަރަނި، ނުވަތަ އެ ދަރަންޏެއްގެ ޕްރިންސިޕަލްއާއި އިންޓްރެސްޓް ދައްކާނެކަމަށް އެއްވެސް ށަރުތަކާ ނުލައި ސަރުކާރުން ޔަގީންކަން ދީފައިވާ ދަރަނި މި މާއްދާގެ (ހ) އިން އިސްތިސްނާވާނެއެވެ. އަދި މި ގާނޫނުގެ 29 ވަނަ މާއްދާއިންވެސް އިސްތިސްނާވާނެއެވެ.

(ނ) މި މާއްދާގެ ބޭނުމަށްޓަކައި ނުވަތަ އެމް.އެމް.އޭ އިން އެކުލަވާލާފައިވާ ގަވާއިދުތަކުގެ ބޭނުމަށްޓަކައި، އެއްފަރާތަކަށް ދޫކުރެވޭ ދަރަންޏެއް، އެހެންފަރާތަކަށް ނިސްބަތްވާނެ ހާލަތްތަކާއި ނުވަތަ އެއްފަރާތަކަށް ދޫކޮށްފައިވާ ދަރަންޏަކީ އެހެން ފަރާތަކާއެކު ދޫކޮށްފައިވާ ދަރަންޏެއްކަމަށް ބެލެވޭނެ ހާލަތްތައް އެމް.އެމް.އޭ އިން ހަދާ ގަވާއިދެއްގައި ކަނޑައެޅިދާނެއެވެ. މި ހާލަތްތައް ކަނޑައަޅަންވާނީ، ދަރަނީގެ ފައިސާ ހޭދަކުރާނެ ގޮތްތަކާއި، ބޭންކަށް އަނބުރާ ފައިސާ ދެއްކުމަށް ފައިސާ ހޯދާނެ ގޮތްތަކުގެ މައްޗަށް ބަލައިގެންނެވެ. އަދި ވަކިވަކި ހާލަތްތަކުގައިވެސް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ދަރަނިތައް އެއްކޮށްލެވޭނެ ހާލަތްތައް އެމް.އެމް.އޭ އިން ކަނޑައެޅިދާނެއެވެ.


6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 29 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

29. ބޭންކާ ގުޅުންހުރި ފަރާތްތަކަށް ދެވޭ ދަރަނި

(ހ)  މި ގާނޫނުގެ ދަށުން އެމް.އެމް.އޭ އިން ހަދާ ގަވާއިދުގައި ގުޅުންހުރި ފަރާތެއް ކަމުގައި މާނަކޮށްފައިވާ އެއްވެސް ފަރާތަކަށް ބޭންކަކުން ދަރަނި ދޫކުރެވޭނީ ތިރީގައިވާ ށަރުތުތައް ފުރިހަމަވާނަމައެވެ.

  1. އެ ދަރަންޏެއް ދޫކުރުމަށާއި އެ ދަރަންޏެއްގެ ށަރުތުތައް ޑިރެކްޓަރުންގެ ބޯޑުގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްވުމުންނެވެ. ބިދޭސީ ބޭންކުތަކުން މިފަދަ ދަރަނި ދޫކުރަންވާނީ އައްޔަންކުރެވިފައިވާ ބްރާންޗް މެނޭޖަރުގެ ހުއްދަ ލިބިގެންނެވެ. ނަމަވެސް، މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބުނާފަދަ މުވައްޒަފުންގެ ބެނިފިޓް ސްކީމެއްގެ ދަށުން ދޫކުރެވޭ ދަރަނި، މި ށަރުތުން އިސްތިސްނާވާނެއެވެ. މިގޮތުން އިސްތިސްނާވާނީ، އެމް.އެމް.އޭ އިން އެކުލަވާލާ ގަވާއިދަކުން އިސްތިސްނާވާނެ ކަމަށް ކަނޑައަޅާ އަދަދަކަށްވުރެ އެ ދަރަނީގެ އަދަދު އިތުރުނުވާ ނަމައެވެ.
  2. އެ ދަރަނީގެ އަދަދު ވާންވާނީ، އެމް.އެމް.އޭ އިން ހަދާ ގަވާއިދެއްގެ ދަށުން ބޭންކާ ގުޅުންހުރި ފަރާތަކަށް ދަރަނީގެ ގޮތުގައި ގިނަވެގެން ބެހެއްޓޭނެ ކަމަށް ކަނޑައަޅާ މިންވަރަށްވުރެ އިތުރުނުވާ އަދަދަކަށެވެ. އެމް.އެމް.އޭ އިން އެކުލަވާލާ މިފަދަ ގަވާއިދުތަކުގައި، ބޭންކަކުން ގުޅުންހުރި ފަރާތަކަށް ދަރަނީގެ ގޮތުގައި ދޫކޮށްފައި ގިނަވެގެން ބެހެއްޓޭނެ މިންވަރު، ގުޅުންހުރި ހުރިހާ ފަރާތްތަކަކަށް ޖުމްލަކޮށް ގިނަވެގެން ދޫކޮށްފައި ބެހެއްޓޭނެ މިންވަރު، ދަރަނިތަކުގެ ށަރުތުތައް، ފައިސާ އަނބުރާ ދައްކަންޖެހޭނެ ހަމަތައް، އެ ދަރަނިތަކަށް ނެގޭނެ ހިދުމަތުގެ އަގު ނުވަތަ އިންޓްރެސްޓް ރޭޓް، އެ ދަރަނިތަކުގެ ރަހުނު، އަދި މި ކަންކަމާބެހޭ އުސޫލުތަކާއި ހަމަތައް ކަނޑައެޅިދާނެއެވެ. އަދި، ގުޅުންހުރި ފަރާތްތަކުން ބޭންކަށް ދައްކަންޖެހޭ ދަރަންޏާއި އެއްކުރަންޖެހޭ އެހެން ދަރަނިތައްވެސް އެމް.އެމް.އޭ އިން އެކުލަވާލާ ގަވާއިދުތަކުގައި ކަނޑައެޅިދާނެއެވެ.
  3. އެ ދަރަނީގެ ށަރުތުތަކަކީ، އާންމުންނަށް ބޭންކުން އާންމު ގޮތެއްގައި ދޫކުރާ ދަރަނިތަކުގެ ށަރުތުތަކަށްވުރެ ލުއިފަސޭހަ ށަރުތުތަކަކަށް ވެގެން ނުވާނެއެވެ. ނަމަވެސް، ގުޅުންހުރި ފަރާތްތަކަށް ދަރަނި ދޫކުރުމާ ބެހޭގޮތުން އެމް.އެމް.އޭ އިން އެކުލަވާލާފައިވާ ގަވާއިދުތަކާ އެއްގޮތްވާ، އަދި ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ، އަދި ހުރިހާ މުވައްޒަފުންނަށް ނިސްބަތްވާ ސްކީމެއްގެ ދަށުން، ޑިރެކްޓަރުން ފިޔަވައި ބޭންކުގެ އެހެން މުވައްޒަފުންނަށް ދޫކުރެވޭ ލޯނުތަކުގެ ހިދުމަތުގެ އަގު ނުވަތަ އިންޓްރެސްޓް ރޭޓް ކުޑަކޮށްދެވިދާނެއެވެ. މި ސްކީމް ވާންވާނީ ލިޔުމަކުން އެމް.އެމް.އޭ ގެ ހުއްދަ ލިބިފައިވާ ސްކީމަކަށެވެ.

(ށ) މި މާއްދާގައިވާ މިންގަނޑުތަކަށް އަދި އެމް.އެމް.އޭ އިން އެކުލަވާލާ ގަވާއިދުތަކުގެ ދަށުން ކަނޑައަޅާ މިންގަނޑުތަކަށް އަމަލުކުރުމުގައި ވަކިވަކި ހާލަތްތަކުގައި ބޭންކާ ވަކި ފަރާތަކާ ހުރި ގުޅުމުގެ ސަބަބުން އެފަރާތަކީ ބޭންކާ ގުޅުންހުރި ފަރާތެއްކަން، އަދި ގުޅުންހުރި ފަރާތަކާއި އެހެން ފަރާތަކާ ދެމެދުގައިވާ ގުޅުމުގެ ސަބަބުން އެ ދެފަރާތަކީ ގުޅިފައިވާ ފަރާތްތަކެއްކަންވެސް އެމް.އެމް.އޭ އަށް ކަނޑައެޅިދާނެއެވެ.

(ނ) މި މާއްދާއާ، ނުވަތަ މި ގާނޫނުގެ 28 ވަނަ މާއްދާއާ، ނުވަތަ އެމް.އެމް.އޭ އިން އެކުލަވާލާ ގަވާއިދުތަކާ ހިލާފުވާކަން އެނގިހުރެ ދޫކޮށްފައިވާ ދަރަންޏެއް ދޫކުރުމުގެ ހުއްދަދިން ނުވަތަ ހުއްދަދިނުމުގައި ބައިވެރިވި ޑިރެކްޓަރެއް، އޮފިސަރެއް، ނުވަތަ މުވައްޒަފެއް، އެކުގައާއި ވަކިވަކިން ތިރީގައިވާ ދެ އަދަދުގެ ތެރެއިން މަދު އަދަދަށް ޒިންމާވާންޖެހޭނެއެވެ.

  1. އެ ލޯނުގެ ސަބަބުން ބޭންކަށް ލިބުނު ގެއްލުމަށް؛ ނުވަތަ
  2. މި މާއްދާގައި ނުވަތަ މި ގާނޫނުގެ 28 ވަނަ މާއްދާގައި ނުވަތަ މި ގާނޫނުގެ ދަށުން އެމް.އެމް.އޭ އިން ހަދާ ގަވާއިދުގައި ބުނާ ލިމިޓަށްވުރެ އިތުރަށް ދޫކޮށްފައިވާ ލޯނުގެ އަދަދަށް.
  3. އަދި އެ ދަރަނީގެ ހުރިހާ ފައިސާއަކާއި ދަރަނި ނަގާފައިވާ ފަރާތުން ބޭންކަށް ދައްކަންޖެހިފައިވާ އެހެން ހުރިހާ ފައިސާއެއް ދައްކާ ހަލާސްނުކުރާހާ ހިނދަކު، މަތީގައި ބުނެވުނު ފަރާތްތައް، ބުނެވުނު އަދަދަށް ޒިންމާވާންޖެހޭނެއެވެ.

(ރ) މި ގާނޫނުގެ 14 ވަނަ މާއްދާގެ (ހ) ގައި ބުނާ ރޭށިއޯތައް ހިސާބުކުރުމުގައި، އެމް.އެމް.އޭ އަށް ފެނިއްޖެ ހިނދެއްގައި، ގުޅުންހުރި ފަރާތަކަށް ދޫކޮށްފައިވާ ދަރަނި ބޭންކުގެ ރައުސްމާލުން އުނިކުރުމަށް ބޭންކަށް އެންގިދާނެއެވެ. އަދި ފަސޭހަކަމާއެކު ބާޒާރުގައި ވިއްކާލެވޭނެ އެއްޗަކުން މުޅި ލޯނު ރަހުނުކުރުމަށްފަހުގައި މެނުވީ ގުޅުންހުރި ފަރާތްތަކަށް ލޯނު ދޫނުކުރުމަށްވެސް އެމް.އެމް.އޭ އިން ބޭންކުތަކަށް އެންގިދާނެއެވެ. އަދި މިގޮތުން ލޯނު ދޫކުރުމުގައި، ފަސޭހަކަމާއެކު ބާޒާރުގައި ވިއްކާލެވޭނެ ރަހުނާއި މުޅި ލޯނު ރަހުނުކުރުން އެމް.އެމް.އޭ އިން ގަވާއިދަކުން ނުވަތަ އެހެންވެސް ގޮތަކުން މާނަ ކޮށްފައިވާނަމަ، ބޭންކުތަކުން އެއާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.

(ބ) ގުޅުންހުރި ފަރާތެއްގެ ކިބައިން އެއްވެސް ހިދުމަތެއް ހޯދަން ނުވަތަ އެސެޓެއް ގަންނަން ނުވަތަ ލީސް ކުރަންވާނީ އެމް.އެމް.އޭ އިން އެކުލަވާލާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އަދި މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތަށް، އެ ހިދުމަތެއް ހޯދުމުގެ ނުވަތަ އެސެޓެއް ގަތުމުގެ ނުވަތަ ލީސްކުރުމުގެ ކުރިން ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށް ނުވަތަ އައްޔަންކުރެވިފައިވާ ބްރާންޗް މެނޭޖަރުގެ ހުއްދަ ހޯދަންވާނެއެވެ. އަދި ގުޅުންހުރި ފަރާތަކާއެކު އެފަދަ މުއާމަލާތެއް ހިންގަންވާނީ، ބޭންކުން ގުޅުންހުރި ފަރާތެއް ނޫން ފަރާތަކާއެކު އެފަދަ މުއާމަލާތެއް ހިންގާނެ އުސޫލުތަކާއި ށަރުތުތަކަށް ބަލާއިރު، ބޭންކަށް ގެއްލުން ނުވާނެފަދަ ގޮތަކަށެވެ.


7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 32 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

32. ބޭންކު ބަންދު ދުވަސްތައް

ހުރިހާ ބޭންކުތަކުންވެސް، އެމް.އެމް.އޭ އިން ކަނޑައަޅާ ބޭންކު ބަންދު ދުވަސްތައް ފިޔަވައި، މަދުވެގެން ބޭންކު ހުޅުވާފައި ބަހައްޓަންޖެހޭނެ ކަމަށް އެމް.އެމް.އޭ އިން ކަނޑައަޅާ ދުވަސްތަކާއި ގަޑިތަކުގައި އާންމުންނަށް ހިދުމަތް ދިނުމަށްޓަކައި ބޭންކު ހުޅުވާފައި ބަހައްޓަންވާނެއެވެ. މަދުވެގެން ބޭންކު ހުޅުވާފައި ބަހައްޓަންޖެހޭނެ ކަމަށް އެމް.އެމް.އޭ އިން ކަނޑައަޅާ ދުވަސްތަކާއި ގަޑިތައް ފިޔަވައި އެހެން ދުވަސްތަކާއި ގަޑިތަކުގައި ބޭންކެއް ހުޅުވުމަށް އެމް.އެމް.އޭ އިން ހުއްދަ ކުރެވިދާނެއެވެ. މިގޮތުން ދެވޭ ހުއްދައެއް ނެތި އެމް.އެމް.އޭ އިން ކަނޑައަޅާފައިވާ ބޭންކު ބަންދު ދުވަހެއްގައި އެއްވެސް ބޭންކަކުން އާންމުންނަށް ހިދުމަތް ދީގެން ނުވާނެއެވެ. އަދި ބޭންކެއްގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑާލަންޖެހިއްޖެ ހާލަތެއްގައި އެ ބޭންކެއް ވަގުތީގޮތުން ބަންދުކުރުމަށް އަދި އެމް.އެމް.އޭ އިން ކަނޑައަޅާ ތާރީހެއްގައި އެ ބޭންކު އަލުން ހުޅުވުމަށް އެމް.އެމް.އޭ އަށް ހުއްދަ ނުވަތަ އަމުރު ކުރެވިދާނެއެވެ.


8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 33 ވަނަ މާއްދާގެ ތިރީގައި ނަކަލުކޮށްފައިވާ، (ހ) އުނިކުރުން.

33. ށައްކު ކުރެވޭ މުއާމަލާތުތައް 

(ހ) ބޭންކަކުން ކުރެވޭ އެއްވެސް ބޭންކިންގ މުއާމަލާތެއްގައި ހިމެނޭ ފައިސާއަކީ، ނުވަތަ ބޭންކަކުން ބަލައިގަންނަ ނުވަތަ ދޫކުރާ އެއްވެސް ފައިސާއަކީ މަނާކުރެވިފައިވާ ހަރަކާތަކާ ނުވަތަ ކުށަކާ ގުޅުންހުރި ފައިސާއެއްކަމަށް ބޭންކު ނުވަތަ ބޭންކުގެ އެޑްމިނިސްޓްރޭޓަރެއް ނުވަތަ އޮފިސަރެއް ނުވަތަ މުވައްޒަފަކަށް ށައްކުކުރެވޭނަމަ، ވަގުތުން އެކަން އެމް.އެމް.އޭ އަށް އަންގަންވާނެއެވެ. މިގޮތުން ބޭންކުން އަންގާ ދުވަހުން ފެށިގެން 5 (ފަހެއް) ދުވަސް ވަންދެން، އެ މުއާމަލާތެއް ކުރިއަށް ނުގެންދިއުމަށް ނުވަތަ އެ ފައިސާ ބަލައިނުގަތުމަށް ނުވަތަ ދޫނުކުރުމަށް އެމް.އެމް.އޭ އިން ބޭންކަށް އެންގިދާނެއެވެ. ނަމަވެސް، އެމް.އެމް.އޭ އަށް ބޭނުންވާ މައުލޫމާތެއް ލިބުމުގައި ލަސްވާނަމަ، ބޭންކުން މުއާމަލާތެއް ކުރިއަށް ނުގެންދެވޭނެ ނުވަތަ އެ ފައިސާ ބަލައިނުގަނެވޭނެ ނުވަތަ ދޫނުކުރެވޭނެ މުއްދަތު އެމް.އެމް.އޭ އަށް އިތުރުކުރެވިދާނެއެވެ. އަދި މިފަދަ މައްސަލައަކާ ގުޅިގެން އިތުރު ފިޔަވަޅު އެޅުމަށްޓަކައި، ކަމާބެހޭ އިދާރާތަކަށް އެމް.އެމް.އޭ އިން އަންގަންވާނެއެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 35 ވަނަ މާއްދާގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.

35. ޑޯމަންޓް އެކައުންޓުތައް

އެއްވެސް ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކީ ވިދިވިދިގެން 5 (ފަހެއް) އަހަރުދުވަސް ވަންދެން މުއާމަލާތެއް ކޮށްފައިނުވާ އެކައުންޓެއް ކަމުގައިވާނަމަ، އެ އެކައުންޓަކީ ޑޯމަންޓް އެކައުންޓެއް ކަމުގައި ކަނޑައަޅައި، އަންނަނިވި ގޮތަށް އެ އެކައުންޓަކާމެދު އެ ބޭންކަކުން އަމަލުކުރަންވާނެއެވެ. އެހެންނަމަވެސް، މި މުއްދަތަށްވުރެ ކުރު މުއްދަތަކަށް އެއްވެސް މުއާމަލާތެއް ކޮށްފައިނުވާ އެކައުންޓުތަކާމެދު އަމަލުކުރާނެ އުސޫލުތައް، މި ގާނޫނާ ހިލާފުނުވާނެ ގޮތެއްގެމަތިން ބޭންކުތަކުން ކަނޑައެޅުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 37 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

37. ޕޭމަންޓްސް ސިސްޓަމްއާއި ކްރެޑިޓް ބިއުރޯތައް

(ހ) ބޭންކުތަކާއި އެހެނިހެން މާލީ އިދާރާތަކުގެ މެދުގައި ފައިސާ ބަދަލުކުރުމަށާއި، އެކައުންޓުތަކަށް ވައްދަންޖެހޭ ފައިސާ ވައްދައި، އެކައުންޓުތަކުން ދޫކުރަންޖެހޭ ފައިސާ ދޫކޮށް އެކައުންޓުތައް ހިސާބުކުރުމަށާއި ފައިސާ ދެއްކުމަށް ބޭނުންކުރެވޭ އިންސްޓްރޫމެންޓްތައް ހިސާބުކުރުމަށް ބޭނުންވާ ކޯޕަރޭޓިވް ސިސްޓަމްތަކާއި، ޕޭމަންޓް ސިސްޓަމްތަކާއި، ސެޓްލްމަންޓް ސިސްޓަމްތަކާއި، ކްލިއަރިންގ ސިސްޓަމްތައް ބޭންކުތަކުން ނުވަތަ އެމް.އެމް.އޭ އިން ގާއިމުކުރެވިދާނެއެވެ. މި ހަރަކާތްތައް ހިންގުމަށް ބޭނުންވާ ގަވާއިދުތަކާއި އުސޫލުތައް އެމް.އެމް.އޭ އިން އެކުލަވާލެވިދާނެއެވެ. އަދި އެމް.އެމް.އޭ އިން ގާއިމުކުރާ މިފަދަ ސިސްޓަމެއްގައި ބައިވެރިވުމަށް އެމް.އެމް.އޭ އިން ބޭންކަކަށް އަންގައިފިނަމަ އެ ބޭންކަކުން އޭގައި ބައިވެރިވާންވާނެއެވެ.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ، ތިރީގައި ނަކަލުކޮށްފައިވާ، 38 ވަނަ މާއްދާ އުނިކުރުން.

38. މަނީ ލޯންޑްރިންގއާއި، ކޮރަޕްށަނާއި، ޓެރަރިސްޓް ހަރަކާތްތަކަށް ފައިސާ ހޯދައިދިނުން ހުއްޓުވުމާގުޅޭ ފިޔަވަޅުތައް

(ހ) ބޭންކުތަކުން މަނީ ލޯންޑްރިންގއާއި، ޓެރަރިސްޓް ހަރަކާތްތަކަށް ފައިސާ ހޯދައިދިނުން ހުއްޓުވުމާގުޅޭ ގޮތުން ފިޔަވަޅުތަކެއް އެކަށައަޅައި އެ ފިޔަވަޅުތަކަށް އަމަލުކުރަންވާނެއެވެ. މިގޮތުން އެކަށައަޅާ ފިޔަވަޅުތަކުގެ ތެރޭގައި ތިރީގައިވާ ފިޔަވަޅުތައް ހިމަނަންވާނެއެވެ.

  1. ބޭންކުގެ ކަސްޓަމަރުންނަކީ ކޮން ބައެއްކަން އަންގައިދޭ މައުލޫމާތާއި، ކަސްޓަމަރުންނާއެކު ކުރެވޭ މުއާމަލާތުތަކުގެ ފައިދާ އެހެންފަރާތަކަށް ލިބޭނަމަ، އެފަރާތަކީ ކާކުކަން އަންގައިދޭނެ މައުލޫމާތު، އަދި ކުރެވޭ މުއާމަލާތެއް ހަގީގަތުގައި ކުރެވެނީ ކޮންފަރާތަކާއެކުތޯ ބަލައި އެފަރާތަކީ ކާކުކަން އަންގައިދޭ މައުލޫމާތު ހޯދުން؛
  2. ފައިސާ ފޮނުވާ ފަރާތާ ލިބޭ ފަރާތަކީ ކޮބައިކަން ހޯދުން؛
  3. ކަސްޓަމަރުންނާބެހޭ މައުލޫމާތާއި އެފަރާތްތަކުން ހިންގާ މުއާމަލާތުތަކާބެހޭ މައުލޫމާތު ހޯދައި ބެލެހެއްޓުން؛
  4. ކޮންމެ އަދަދެއްގެ ފައިސާއެއް ނުވަތަ ކޮންމެ އަގެއްގެ މުދަލެއް ނަމަވެސް، އެއީ ކުށްވެރިވާފަދަ ގޮތަކަށް ހޯދިފައިވާ އެއްޗެއްކަމަށް ނުވަތަ ޓެރަރިސްޓް ހަރަކާތަކަށް ފައިސާ ހޯދައިދިނުމާގުޅޭ އެއްޗެއްކަމަށް ބޭންކަކަށް ށައްކުކުރެވިއްޖެނަމަ،
    އެ ށައްކުކުރެވޭކަމެއް ބަޔާންކޮށް، ލަސްވެގެން އޮފީސް ބަންދުނޫން 2 (ދޭއް) ދުވަހުގެ ތެރޭގައި އެމް.އެމް.އޭ ގެ ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  5.  އެމް.އެމް.އޭ އިން ކަނޑައަޅައިފި ކޮންމެ މައުލޫމާތެއް އަދި ބޭންކުގެ ކަސްޓަމަރުންނާއެކީ ކުރެވޭ މުއާމަލާތުތަކުގެ ތެރެއިން އެމް.އެމް.އޭ އިން ކަނޑައަޅައިފި ކޮންމެ މުއާމަލާތަކާބެހޭ މައުލޫމާތެއް ބޭންކުން ބލަހައްޓައި، އެކަމާބެހޭ ގޮތުން ގާނޫނު ނަންބަރު 6/1981 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު 1981) ގެ ދަށުން ހެދިފައިވާ ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް، ކުރަންޖެހޭ ރިޕޯޓުތައް ކުރުން.
  6. މަނީ ލޯންޑްރިންގއާއި، ޓެރަރިސްޓް ހަރަކާތްތަކަށް ފައިސާ ހޯދައިދިނުން ހުއްޓުވުމާގުޅޭ ގޮތުން ބޭންކުން އަމަލުކުރާނެ އުސޫލުތަކެއް ނުވަތަ އަޅާނެ ފިޔަވަޅުތަކެއް ކަނޑައެޅުން.

(ށ) ބޭންކުތަކާއި އެހެން މާލީ އިދާރާތަކުން އަދި ކަނޑައެޅޭ ވަކި މާލީ ނޫން ވިޔަފާރިތަކާއި ދާއިރާތަކުން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް އަމަލުކުރަންވީ ގޮތުގެ ތަފްސީލު އެމް.އެމް.އޭ އިން ގަވާއިދެއްގެ ސިފައިގައި ނެރެންވާނެއެވެ.

(ނ) ބޭންކުތަކާއި އެހެން މާލީ އިދާރާތައް އަދި ކަނޑައެޅޭ ވަކި މާލީ ނޫން ވިޔަފާރިތަކާއި ދާއިރާތައް އަދި އެހެންވެސް ފަރާތަކުން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންތައްތަކާ ހިލާފުވެއްޖެނަމަ، އެފަރާތަކާމެދު އެޅިދާނެ ފިޔަވަޅުތައް ކަނޑައަޅައި އެމް.އެމް.އޭ އިން ގަވާއިދެއް ހަދަންވާނެއެވެ.


12 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 39 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

39. ކަސްޓަމަރަކާއެކު ކުރެވޭ މުއާމަލާތުތަކުގައި ބޭންކަށް ލިބިފައިވާ އެފަރާތާބެހޭ މައުލޫމާތުގެ ސިއްރު ހިފެހެއްޓުމަށް އޮންނަ އާންމު އުސޫލުގެ ބޭނުންހިފުން މަނާކުރުން

މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމާގުޅޭ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން، ބޭންކަކުން ހުށަހަޅަންޖެހޭ ނުވަތަ ހުށަހެޅުމަށް އެންގޭ އެއްވެސް މައުލޫމާތެއް ނުވަތަ ކަރުދާހެއް ނުވަތަ ރިޕޯޓެއް ހުށަހެޅުމުގައި، ކަސްޓަމަރާއެކު ކުރެވޭ އެކި ބާވަތުގެ ވިޔަފާރީގެ މުއާމަލާތުތަކުގައި ބޭންކަށް އެފަރާތާ ބެހޭގޮތުން ލިބިފައިވާ މައުލޫމާތުތަކުގެ ސިއްރުވެރިކަން ހ-ިފެހެއްޓުމުގެ ދަށުން އަދި ކަސްޓަމަރުންނާއެކު ލިޔުމުންނާއި އަނގަބަހުން ކުރެވިފައިވާ އެކި ބާވަތުގެ މުއާމަލާތުތައް އެފަރާތުގެ ހުއްދައަކާ ނުލައި ބޭންކުން އެހެން އެއްވެސް ފަރާތަކަށް ހާމަނުކުރެވޭނެ ގޮތަށް އޮންނަ އާންމު އުސޫލުގެ ދަށުން، އަދި މި ގާނޫނުގެ 42 ވަނަ މާއްދާގައިވާ ބޭންކުގެ ސިއްރުވެރިކަމާބެހޭ ބައިގެ ދަށުން އުޒުރުވެރިވެގެން ނުވާނެއެވެ.

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 47 ވަނަ މާއްދާގެ އަރިމަތީ ސުރުހީ އަންނަނިވި ގޮތަށް އިސްލާހުކުރުން.

47. ރިޕޯޓުތަކާއި މައުލޫމާތުތައް ހުށަހެޅުން


14 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 47 ވަނަ މާއްދާގެ (ހ) ގެ ފަހަތަށް އަންނަނިވި އަކުރު އިތުރުކުރުން.

47. (ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މައުލޫމާތުގެ އިތުރުން، އެހެން މައުލޫމާތު ނުވަތަ ލިޔެކިޔުން ނުވަތަ ރިޕޯޓު ހުށަހެޅުމަށް އެމް.އެމް.އޭ އަށް ބޭންކުތަކަށް އެންގިދާނެއެވެ. އަދި އެމް.އެމް.އޭ އިން ހުށަހަޅަން އަންގާ މައުލޫމާތު ނުވަތަ ލިޔެކިޔުން ނުވަތަ ރިޕޯޓު، އެމް.އެމް.އޭ އިން އަންގާ ގޮތަކަށް، އަދި އަންގާ ވަގުތަށް ކޮންމެ ބޭންކަކުންވެސް ހުށަހަޅަންވާނެއެވެ.

 

15 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 53 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

53. (ށ) ދެ އޮންސައިޓް ދޭތެރޭ 2 (ދޭއް) އަހަރުދުވަހަށްވުރެ ގިނަނުވާނެ ގޮތަށް، އެމް.އެމް.އޭ އިން ގަވާއިދުން ބޭންކުތަކުގެ އޮންސައިޓް އެގްޒެމިނޭށަން ހަދަންވާނެއެވެ.

 

16 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 63 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

63. ޑިޕޮސިޓް އިންށުއަރަންސް ސްކީމެއްގައި ބައިވެރިވުން

އެމް.އެމް.އޭ ގެ ހުއްދަ ހޯދުމަށްފަހު، އަދި އެމް.އެމް.އޭ އިން ކަނޑައަޅާ ށަރުތުތަކާއި، އެމް.އެމް.އޭ އިން ގަވާއިދުތަކެއް އެކުލަވާލައިފިނަމަ އެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން، ދިވެހިރާއްޖޭގައި ނުވަތަ ދިވެހިރާއްޖެއިން ބޭރުގައި ހިންގާ ޑިޕޮސިޓް އިންށުއަރަންސް ސްކީމެއްގައި ބޭންކަކުން ބައިވެރިވެވިދާނެއެވެ. އަދި އެމް.އެމް.އޭ އިން ނުވަތަ ދިވެހިސަރުކާރުން ގާއިމުކުރާ ޑިޕޮސިޓް އިންށުއަރަންސް ސްކީމެއްގައި ބައިވެރިވުމަށް އެމް.އެމް.އޭ އިން ބޭންކަކަށް އަންގައިފިނަމަ އެ ބޭންކަކުން އޭގައި ބައިވެރިވާންވާނެއެވެ.


17 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 63 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ދެ މާއްދާ އިތުރުކުރުން.

64. ފީ އަދި އެހެނިހެން ޗާޖުތައް

(ހ) އެމް.އެމް.އޭ އިން ބޭންކުތަކަށް ދޭ ހިދުމަތްތަކަށް އެކަށީގެންވާ ފީއެއް ނުވަތަ ޗާޖެއް ނެގިދާނެއެވެ.

(ށ) އަހަރީ ފީއެއް ނުވަތަ ލައިސަންސް ފީއެއް ދެއްކުމަށް އެމް.އެމް.އޭ އިން ބޭންކުތަކަށް އެންގިދާނެއެވެ.

65. މާލީ ދާއިރާއާގުޅޭ މަށްރޫއުތަކުގައި ބައިވެރިވުން

ދިވެހިރާއްޖޭގެ މާލީ ދާއިރާ ތަރައްގީކުރުމާއި ހަރުދަނާކުރުމާއި، ދިވެހިރާއްޖޭގައި ފައިނޭންށަލް އިންކްލޫށަން އިތުރުކުރުމާއި، ހަރުދަނާކުރުމާއި، މި މަގްސަދުތައް ހިމެނޭގޮތުން އެމް.އެމް.އޭ އިން ފަށާ ނުވަތަ ކުރިއަށްގެންދާ މަށްރޫއުތަކުގައި މާލީ ދާއިރާގެ ކަމާބެހޭ އިދާރާއެއް ނުވަތަ އިދާރާތައް ބައިވެރިވުމަށް އެންގުމުގެ ބާރު އެމް.އެމް.އޭ އަށް ލިބިގެންވެއެވެ. މިފަދަ އެންގުމެއް އެމް.އެމް.އޭ އިން އަންގައިފިނަމަ، އެމް.އެމް.އޭ އިން އަންގާ ގޮތެއްގެމަތިން އެ މަށްރޫއެއްގައި އެ އިދާރާއަކުން ނުވަތަ އެ އިދާރާތަކަކުން ބައިވެރިވާންވާނެއެވެ.


18 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 115 ވަނަ މާއްދާގައި "ގުޅުންހުރި ފަރާތް" ނުވަތަ "ގުޅުންހުރި ފަރާތެއް" މި އިބާރާތްތަކަށް ދީފައިވާ މާނަކުރުން އުނިކުރުން.


19 ވަނަ މާއްދާ - މި ގާނޫނުން ބުނެވިދިޔަ ގާނޫނަށް އިތުރުކުރާ ނުވަތަ އުނިކުރާ މާއްދާތަކާ ގުޅިގެން އެ ގާނޫނުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.


20 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ވަކި މާއްދާއަކަށް ނުވަތަ ވަކި މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަން، މި ގާނޫނުން ގެންނަ އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން.


21 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ބޭންކިންގއާބެހޭ ގާނޫނު (ނޫނު ނަންބަރު 2010-24)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ބޭންކިންގއާބެހޭ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2010-24)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު