-

އެކްސްޓްރަޑިށަންގެ ގާނޫނު

(ގާނޫނު ނަންބަރު 2015-01)

 

އެއްވަނަ ބައި

އިބްތިދާއީ މާއްދާތައް

 

އެއްވަނަ ބާބު

ތައާރުފާއި މަގްސަދު

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގައިވާ ބޭރު ގައުމުތަކުގެ ކުށްވެރިން އަންނަނިވި ބޭނުންތަކަށްޓަކައި އެ ގައުމުތަކަށް އެކްސްޓްރަޑައިޓްކުރުމުގައި އަމަލުކުރާނެ އުސޫލުތަކާއި، ބޭރު ގައުމުތަކުގައިވާ ކުށްވެރިން އަންނަނިވި ބޭނުންތަކަށްޓަކައި ދިވެހިރާއްޖެއަށް އެކްސްޓްރަޑައިޓްކުރުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.

 1. އެމީހަކު ކޮށްފައިވާކަމަށް ދައުވާ އުފުލިފައިވާ ކުށެއްގެ ށަރީއަތް ހިންގުމަށްޓަކައި؛ ނުވަތަ
 2. އެމީހަކީ އެމީހެއްގެ މައްޗަށް ކުށް ސާބިތުވެ، ހުކުމްކޮށްފައިވާ، އެހެންނަމަވެސް އަދަބު ކަނޑައެޅިފައިނުވާ މީހެއްނަމަ، އަދަބު ކަނޑައެޅުމަށްޓަކައި؛ ނުވަތަ
 3. އެމީހަކީ އެމީހެއްގެ މައްޗަށް ކުށް ސާބިތުވެ، ހުކުމްކޮށް، އަދަބު ކަނޑައެޅިފައިވާ މީހެއް ކަމުގައިވާނަމަ، ހުކުމް ތަންފީޒުކުރުމަށްޓަކައި.

(ށ)  މި ގާނޫނަށް ކިޔާނީ، "އެކްސްޓްރަޑިށަންގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ – މަގްސަދު

މި ގާނޫނުގެ ބޭނުމަކީ، އަންނަނިވި މަގްސަދުތައް ހާސިލުކުރުމެވެ.

(ހ) ދިވެހިރާއްޖޭގައިވާ ބޭރު ގައުމުތަކުގެ ކުށްވެރިން އެ ގައުމުތަކަށް އެކްސްޓްރަޑައިޓްކުރުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުން؛

(ށ) ދިވެހިރާއްޖޭގައިވާ ބޭރު ގައުމުތަކުގެ ކުށްވެރިން އެ ގައުމުތަކަށް އެކްސްޓްރަޑައިޓްކުރެވޭނެ ބާވަތުގެކުށް ކަނޑައެޅުމާއި، ދިވެހިރާއްޖެއިން އެމީހުން އެކްސްޓްރަޑައިޓްނުކުރެވޭނެ ހާލަތްތައް ކަނޑައެޅުން؛

(ނ) ދިވެހިރާއްޖޭގައިވާ ބޭރު ގައުމުތަކުގެ ކުށްވެރިން ހޯދައި، ހިފަހައްޓައި ހައްޔަރުކުރުމާބެހޭ އުސޫލުތައް ކަނޑައެޅުމާއި، މުދާ ހިފެހެއްޓުމާބެހޭ އުސޫލުތައް ކަނޑައެޅުން؛

(ރ) ބޭރު ގައުމެއްގެ ކުށްވެރިޔަކު ތިންވަނަ ގައުމަކަށް އެކްސްޓްރަޑައިޓްކުރުމުގައި ދިވެހިރާއްޖޭގައި ޓްރާންޒިޓްކުރުމާބެހޭ އުސޫލުތައް ކަނޑައެޅުން؛

(ބ) ބޭރު ގައުމުތަކުގައިވާ ކުށްވެރިން ދިވެހިރާއްޖެއަށް އެކްސްޓްރަޑައިޓްކުރުމުގައި އަމަލުކުރެވޭނެ އުސޫލުތައް ބަޔާންކުރުން.

 

ދެވަނަ ބާބު

މަފްހޫމްތަކުގެ ރަދީފު

3 ވަނަ މާއްދާ – ކުށްވެރިން

"ކުށްވެރިން" ކަމަށް ބުނެފައިއެވަނީ، ކުށެއް ކުރިކަމުގެ ދައުވާ އުފުލިފައިވާ މީހުންނާއި، ކުށެއް ކުރިކަން ސާބިތުވެ ހުކުމްކުރެވިފައިވާ މީހުންނާއި، ކުށެއް ކުރިކަން ސާބިތުވެ ހުކުމްކުރެވި، އެހެންނަމަވެސް އަދަބު ކަނޑައެޅިފައިނުވާ މީހުން ހިމެނޭގޮތުންނެވެ.

 

4 ވަނަ މާއްދާ - ދިވެހިރާއްޖޭގައިވާ ބޭރު ގައުމުތަކުގެ ކުށްވެރިން

"ދިވެހިރާއްޖޭގައިވާ ބޭރު ގައުމުތަކުގެ ކުށްވެރިން" ކަމަށް ބުނެފައިއެވަނީ، ބޭރު ގައުމެއްގެ ގާނޫނުގެ ދަށުން ކުށް ކޮށްފައިވާ، އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއްގައިވާ ކުށްވެރިންގެ ތެރެއިން ދިވެހިރާއްޖޭގައިވާ، އަންނަނިވި ބޭނުންތަކަށްޓަކައި އެ ގައުމަށް ގެންދިޔުމަށް ބޭނުންވާ މީހުންނަށެވެ.

(ހ) އެ ގައުމުގެ ގާނޫނުގެ ދަށުން ކުށެއް ކުރިކަމުގެ ދައުވާ އުފުލިފައިވާ މީހުންގެ މައްޗަށް އެ ގައުމުގައި ށަރީއަތް ހިންގުމަށްޓަކައި؛ ނުވަތަ

(ށ) އެ ގައުމުގެ ގާނޫނުގެ ދަށުން ކުށެއް ކުރިކަމަށް ށަރީއަތަށް ސާބިތުވެ ހުކުމްކޮށް، އެހެންނަމަވެސް އަދަބު ކަނޑައެޅިފައިނުވާ މީހުންގެ މައްޗަށް އެ ގައުމުގައި އަދަބު ކަނޑައެޅުމަށްޓަކައި؛ ނުވަތަ

(ނ) އެ ގައުމުގެ ގާނޫނުގެ ދަށުން ކުށެއް ކުރިކަމަށް ށަރީއަތަށް ސާބިތުވެ އަދަބު ކަނޑައެޅިފައިވާ މީހުންގެ ހުކުމް، އެ ގައުމުގައި ތަންފީޒުކުރުމަށްޓަކައި.

 

5 ވަނަ މާއްދާ - ބޭރު ގައުމުތަކުގައިވާ ކުށްވެރިން

"ބޭރު ގައުމުތަކުގައިވާ ކުށްވެރިން" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން ކުށް ކޮށްފައިވާ، އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއްގައިވާ ކުށްވެރިންގެ ތެރެއިން ބޭރު ގައުމެއްގައިވާ، އަންނަނިވި ބޭނުންތަކަށްޓަކައި ދިވެހިރާއްޖެއަށް ގެނައުމަށް ބޭނުންވާ މީހުންނަށެވެ.

(ހ) ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން ކުށެއް ކުރިކަމުގެ ދައުވާ އުފުލިފައިވާ މީހުންގެ މައްޗަށް ދިވެހިރާއްޖޭގައި ށަރީއަތް ހިންގުމަށްޓަކައި؛ ނުވަތަ

(ށ) ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން ކުށެއް ކުރިކަމަށް ށަރީއަތަށް ސާބިތުވެ ހުކުމްކޮށް، އެހެންނަމަވެސް އަދަބު ކަނޑައެޅިފައިނުވާ މީހުންގެ މައްޗަށް ދިވެހިރާއްޖޭގައި އަދަބު ކަނޑައެޅުމަށްޓަކައި؛ ނުވަތަ

(ނ) ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން ކުށެއް ކުރިކަމަށް ށަރީއަތަށް ސާބިތުވެ އަދަބު ކަނޑައެޅިފައިވާ މީހުންގެ ހުކުމް، ދިވެހިރާއްޖޭގައި ތަންފީޒުކުރުމަށްޓަކައި.

 

6 ވަނަ މާއްދާ - އެކްސްޓްރަޑައިޓްކުރެވޭ ބާވަތުގެ ކުށް

"އެކްސްޓްރަޑައިޓްކުރެވޭ ބާވަތުގެ ކުށް" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ ދަށުން މުއާހަދާ ގައުމެއް ކަމަށް ކަނޑައަޅާފައިވާ ގައުމަކަށް ނިސްބަތްކޮށް ކަމުގައިވާނަމަ، ދިވެހިރާއްޖެއާއި އެ ގައުމާ ދެމެދު ވެފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކުށްކުށަށެވެ. އެނޫން ގައުމެއް ކަމުގައިވާނަމަ، މި ގާނޫނުގެ 13 ވަނަ މާއްދާގައި ބަޔާންކުރާ ކުށްކުށަށެވެ.

 

7 ވަނަ މާއްދާ - އެކްސްޓްރަޑައިޓްކުރެވޭނެ ގައުމުތައް

"އެކްސްޓްރަޑައިޓްކުރެވޭނެ ގައުމުތައް" ކަމަށް ބުނެފައިއެވަނީ، ކުށްވެރިން އެކްސްޓްރަޑައިޓްކުރެވޭނެ ކަމަށް މި ގާނޫނުގެ އަށްވަނަ ބާބުގެ ދަށުން ކަނޑައެޅޭ ގައުމުތަކަށެވެ.

 

8 ވަނަ މާއްދާ – އެކްސްޓްރަޑައިޓްކުރުން

"އެކްސްޓްރަޑައިޓްކުރުން" ކަމަށް ބުނެފައިއެވަނީ، އަންނަނިވި މާނަތަކުންކުރެ މާނައެއްގައެވެ.

(ހ) ދިވެހިރާއްޖޭގައިވާ ބޭރު ގައުމެއްގެ ކުށްވެރިޔަކު އެކްސްޓްރަޑައިޓްކުރުމާ ގުޅޭގޮތުންނަމަ، އޭނާ އެ ގައުމަށް އެކްސްޓްރަޑައިޓްކުރުމަށް އެދި އެ ގައުމުން ހުށަހެޅުމުން، އޭނާ އެކްސްޓްރަޑައިޓްކުރުމަށްޓަކައި މި ގާނޫނުގެ ދަށުން ފުރިހަމަކުރަންޖެހޭ އެންމެހައި މަރުހަލާތައް ފުރިހަމަކުރުމަށްފަހު، މި ގާނޫނުގެ ދަށުން ނެރޭ އެކްސްޓްރަޑިށަން އަމުރެއްގެ ދަށުން އޭނާ އެ ގައުމަށް ގެންދިޔުމަށް؛ ނުވަތަ

(ށ) ބޭރު ގައުމެއްގައިވާ ކުށްވެރިޔަކު ދިވެހިރާއްޖެއަށް އެކްސްޓްރަޑައިޓްކުރުމާ ގުޅޭގޮތުންނަމަ، އޭނާ ދިވެހިރާއްޖެއަށް އެކްސްޓްރަޑައިޓް ކޮށްދިނުމަށް ދިވެހިރާއްޖެއިން އެ ގައުމުގައި އެދުމުން، އޭނާ ދިވެހިރާއްޖެއަށް އެކްސްޓްރަޑައިޓްކުރުމަށްޓަކައި
އެ ގައުމުގެ ގާނޫނުގެ ދަށުން ފުރިހަމަކުރަންޖެހޭ އެންމެހައި މަރުހަލާތައް ފުރިހަމަކުރުމަށްފަހު އެ ގައުމުން އޭނާ ދިވެހިރާއްޖެއަށް ގެނައުމަށެވެ.

(ނ) ބޭރު ގައުމެއްގެ ކުށްވެރިޔަކު ތިންވަނަ ގައުމަކަށް އެކްސްޓްރަޑައިޓްކުރުމާ ގުޅޭގޮތުންނަމަ، އޭނާ ހުރި ގައުމުގެ ގާނޫނުގެ ދަށުން ފުރިހަމަކުރަންޖެހޭ އެންމެހައި މަރުހަލާތައް ފުރިހަމަކުރުމަށްފަހު އޭނާ އެ ތިންވަނަ ގައުމަށް އެކްސްޓްރަޑައިޓްކުރުމަށް.

 

9 ވަނަ މާއްދާ - ކުށްވެރިޔާ އެކްސްޓްރަޑައިޓްކުރުމަށް އެދޭ ގައުމު

"ކުށްވެރިޔާ އެކްސްޓްރަޑައިޓްކުރުމަށް އެދޭ ގައުމު" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގައިވާ ބޭރު ގައުމެއްގެ ކުށްވެރިޔަކު އެކްސްޓްރަޑައިޓްކުރުމަށް އެދި މި ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ގައުމަށެވެ.

 

10 ވަނަ މާއްދާ - އެކްސްޓްރަޑިށަން އަމުރު

"އެކްސްޓްރަޑިށަން އަމުރު" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގައިވާ ބޭރު ގައުމެއްގެ ކުށްވެރިޔަކު އެކްސްޓްރަޑައިޓްކުރަން އެދޭ ގައުމަށް އޭނާ އެކްސްޓްރަޑައިޓްކުރުމަށްޓަކައި ދިވެހިރާއްޖޭގައި ފުރިހަމަކުރަންޖެހޭ އެންމެހައި މަރުހަލާތައް ނިމުމަށްފަހު، ކުށްވެރިޔާ އެ ގައުމަށް އެކްސްޓްރަޑައިޓްކުރުމާމެދު އެންމެ ފަހުގެ ނިންމުން ނިންމައި، އޭނާ ދިވެހިރާއްޖެއިން އެކްސްޓްރަޑައިޓްކުރުމުގެ ހުއްދަދިނުމުގެ ގޮތުން މި ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް ނެރޭ އަމުރަށެވެ.

 

ދެވަނަ ބައި

ދިވެހިރާއްޖޭގައިވާ ބޭރު ގައުމުތަކުގެ ކުށްވެރިން އެކްސްޓްރަޑައިޓްކުރުން

ތިންވަނަ ބާބު

އެކްސްޓްރަޑައިޓްކުރުމާގުޅޭ އާންމު މާއްދާތައް

 

11 ވަނަ މާއްދާ - ކުށްވެރިން އެކްސްޓްރަޑައިޓްކުރެވޭނެ ގައުމުތައް

މި ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައިވާ ބޭރު ގައުމުތަކުގެ ކުށްވެރިން އެކްސްޓްރަޑައިޓްކުރުމަށް ހުއްދަކުރެވޭނީ، ކުށްވެރިން އެކްސްޓްރަޑައިޓްކުރެވޭނެ ކަމަށް މި ގާނޫނުގެ ދަށުން ކަނޑައަޅާ ގައުމުތަކަށެވެ.

 

12 ވަނަ މާއްދާ - ދިވެހިރައްޔިތުން އެކްސްޓްރަޑައިޓްނުކުރެވުން

މި ގާނޫނުގެ ދަށުން ދިވެހިރައްޔިތުން ބޭރު ގައުމަކަށް އެކްސްޓްރަޑައިޓެއް ނުކުރެވޭނެއެވެ. އެހެންނަމަވެސް، އެކްސްޓްރަޑައިޓްކުރަން އެދި ހުށަހަޅާ ގައުމުން އެދިއްޖެ ހިނދެއްގައި، އޭނާ އެކްސްޓްރަޑައިޓްކުރަން އެ ގައުމުން ބޭނުންވާ ކުށުގެ ދައުވާ އޭނާގެ މައްޗަށް ދިވެހިރާއްޖޭގައި ދައުވާ އުފުލެން އޮތްނަމަ، އެ ދައުވާ އޭނާގެ މައްޗަށް އުފުލަންވާނެއެވެ.

 

13 ވަނަ މާއްދާ - މި ގާނޫނުގެ ދަށުން ކުށްވެރިން އެކްސްޓްރަޑައިޓްކުރެވޭނެ ބާވަތުގެ ކުށް

(ހ) ވަކި ކުށަކީ އަންނަނިވި ހާލަތްތަކަށް ފެތޭ ކުށެއް ކަމުގައިވާނަމަ، އެއީ، މި ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައިވާ ބޭރު ގައުމުތަކުގެ ކުށްވެރިން އެ ގައުމުތަކަށް އެކްސްޓްރަޑައިޓްކުރެވޭނެ ބާވަތުގެ ކުށް ކަމުގައި ބެލޭނެއެވެ.

 1. އެ ކުށަކީ، ކުށްވެރިޔަކު އެކްސްޓްރަޑައިޓްކުރުމަށް އެދޭ ގައުމުގެ ގާނޫނުގެ ދަށުން އެ ކުށުގެ އެންމެ ބޮޑު އަދަބެއްގެ ގޮތުގައި މަދުވެގެން 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ނުވަތަ އެނޫންވެސް ގޮތަކަށް ބަންދުގައި ބެހެއްޓުމަށް އަދަބު ކަނޑައެޅިފައިވާ، ނުވަތަ އެއަށްވުރެ ބޮޑު އަދަބެއް ކަނޑައެޅިފައިވާ ކުށެއް ކަމުގައިވުން؛ އަދި
 2. އެ ކުށަކީ، ދިވެހިރާއްޖޭގައި އެ ކުށުގެ އަމަލު ހިނގައިފިނަމަ ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން އެ އަމަލުން ފުރިހަމަވާ ކުށުގެ އެންމެ ބޮޑު އަދަބެއްގެ ގޮތުގައި މަދުވެގެން 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ނުވަތަ އެނޫންވެސް ގޮތަކަށް ބަންދުގައި ބެހެއްޓުމަށް އަދަބު ކަނޑައެޅިފައިވާ، ނުވަތަ އެއަށްވުރެ ބޮޑު އަދަބެއް ކަނޑައެޅިފައިވާ ކުށެއް ކަމުގައިވުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ ކުށަކާގުޅޭ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކާ ގުޅޭގޮތުން ހުށަހެޅުމެއް ހުށަހެޅިއްޖެނަމަ، އޭނާ ތަންފީޒުކުރަމުންދާ ހުކުމަކީ ޖަލުގައި ބަންދުކުރުމަށް ނުވަތަ އެނޫންވެސް ގޮތަކަށް ބަންދުގައި ބެހެއްޓުމަށް ކޮށްފައިވާ ހުކުމެއް ކަމުގައިވާ ހާލަތުގައި، އޭނާ އެ ގައުމަށް އެކްސްޓްރަޑައިޓްކުރުމުގެ ހުއްދަ ދޭންވާނީ،
އެ ހުކުމުގެ ބާކީ އޮތް މުއްދަތުގައި މަދުވެގެން 6 (ހައެއް) މަސްދުވަހުގެ މުއްދަތު، ނުވަތަ އެއަށްވުރެ ބޮޑު އަދަބެއް ތަންފީޒުކުރަން އޮތް ކަމުގައިވާނަމައެވެ.

(ނ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި ވަކި ކުށަކީ ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން އަދި ކުށްވެރިޔާ އެކްސްޓްރަޑައިޓްކުރަން އެދޭ ގައުމުގެ ގާނޫނުގެ ދަށުން ކުށެއް ކަމުގައި ބެލުމުގައި، އެ ކުށަކީ ނުވަތަ ކުށުގެ އަމަލަކީ ދިވެހިރާއްޖޭގައި އަދި އޭނާ އެކްސްޓްރަޑައިޓްކުރަން އެދޭ ގައުމުގައި އެއް ދަރަޖައެއް ދީފައިވާ، ނުވަތަ
އެއް ލަފްޒުތަކަކުން ނުވަތަ އިބާރާތްތަކަކުން އިށާރާތްކުރާ، ނުވަތަ ދެ ގައުމުގައިވެސް އެއް ގިންތިއެއްގެ ކުށެއް ކަމުގައި ނުވަތަ ކުށުގެ އަމަލެއް ކަމުގައިވުން ލާޒިމެއް ނޫނެވެ. އަދި އެ ކުށުގެ ރުކުންތަކަކީވެސް ދެ ގައުމުގައި އެއް ރުކުންތަކެއް ކަމުގައިވުން ލާޒިމެއް ނޫނެވެ. އެހެންނަމަވެސް، ވަކި ކުށަކީ މި މާއްދާގެ ދަށުން ކުށެއް ކަމުގައި ކަނޑައެޅުމުގައި، ކުށްވެރިޔާ އެކްސްޓްރަޑައިޓްކުރަން އެދޭ ގައުމުން ހުށަހަޅާ ހުށަހެޅުމުގައި ކުށްވެރިޔާ ކުރިކަމަށް ނުވަތަ ނުކޮށް ދޫކޮށްލި ކަމަށް ބުނާ އެންމެހައި އަމަލުތަކަށް ރިއާޔަތްކުރަންވާނެއެވެ.

(ރ) ޓެކުހާއި އިމްޕޯޓް ޑިއުޓީއާ ގުޅޭގޮތުން ދިވެހިރާއްޖޭގައި އަމަލުކުރެވޭ ގާނޫނުތަކާ ހިލާފު އަމަލުތަކަކީ، ކުށްވެރިޔާ އެކްސްޓްރަޑައިޓްކުރަން އެދޭ ގައުމުގައިވެސް އެއް ބާވަތުގެ ކުށް ކަމުގައި ބެލެވޭ އަމަލު ކަމުގައިވާނަމަ، އެއީ، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ ކުށްކުށް ކަމުގައި ބެލޭނެއެވެ. އަދި އެ ޓެކުހަކީ ނުވަތަ އިމްޕޯޓް ޑިއުޓީއަކީ، ދިވެހިރާއްޖޭގެ ގާނޫނުގައި ބަޔާންކުރާ ބާވަތުގެ ޓެކުހަކަށް ނުވަތަ އިމްޕޯޓް ޑިއުޓީއެއް ކަމުގައި ނުވާތީ، ނުވަތަ ކުށްވެރިޔާ އެކްސްޓްރަޑައިޓްކުރަން އެދޭ ގައުމުގައި އަމަލުކުރެވޭ ޓެކުހާބެހޭ ނުވަތަ އިމްޕޯޓް ޑިއުޓީއާބެހޭ ގާނޫނެއް ނުވަތަ ގަވާއިދެއް ދިވެހިރާއްޖޭގައި ނެތުމަކީ، މި މާއްދާގެ ދަށުން ކުށްވެރިޔަކު އެކްސްޓްރަޑައިޓްކުރުމުގެ ހުއްދަ ނުދީ ހިފެހެއްޓޭނެ ސަބަބެއް ނޫނެވެ.

(ބ) ކުށްވެރިޔަކު އެކްސްޓްރަޑައިޓްކުރުމަށް އެދެނީ، އޭނާ ކޮށްފައިވާ ނުވަތަ ކުރިކަމަށް ދައުވާ އުފުލިފައިވާ އެއް ކުށަށްވުރެ ގިނަ ކުށާ ގުޅިގެން ކަމުގައިވާނަމަ، އަދި އޭގެ ތެރެއިން ބައެއް ކުށަކީ، މި ގާނޫނުގައި ކުށްވެރިން އެކްސްޓްރަޑައިޓްނުކުރެވޭނެ ބާވަތުގެ ކުށް ކަމުގައި ކަނޑައަޅާފައިވާ ކުށެއް ކަމުގައި ވީނަމަވެސް، އޭނާ އެކްސްޓްރަޑައިޓްކުރުމަށް އެދޭ ކުށްތަކުގެ ތެރެއިން މަދުވެގެން އެއް ކުށަކީ، ކުށްވެރިން ދިވެހިރާއްޖެއިން އެކްސްޓްރަޑައިޓްކުރުމުގެ ހުއްދަ މި ގާނޫނުގެ ދަށުން ދެވިދާނެ ކުށެއް ކަމުގައިވާނަމަ، ދެން ހުރި ކުށްކުށާ ގުޅޭގޮތުންވެސް އޭނާ އެކްސްޓްރަޑައިޓްކުރުމަށް ހުއްދަ ދެވިދާނެއެވެ.

 

14 ވަނަ މާއްދާ - މި ގާނޫނުގެ ދަށުން ކުށްވެރިން އެކްސްޓްރަޑައިޓްނުކުރެވޭނެ ހާލަތްތައް

އަންނަނިވި ހާލަތްތަކުގައި، ދިވެހިރާއްޖޭގައިވާ ބޭރު ގައުމެއްގެ ކުށްވެރިޔަކު ދިވެހިރާއްޖެއިން އެކްސްޓްރަޑައިޓްކުރުމުގެ ހުއްދައެއް ނުދެވޭނެއެވެ.

(ހ) އޭނާ ކޮށްފައިވާ ނުވަތަ ކޮށްފައިވާކަމަށް ދައުވާ އުފުލިފައިވާ ކުށަކީ، ސިޔާސީ ކުށެއް ކަމުގައިވުން ނުވަތަ އެ ކުށަކީ ކުށް ކުރަން މެދުވެރިވި އެންމެހައި ހާލަތްތަކަށް ބަލާއިރު ސިޔާސީ ކުށެއް ކަމަށް ބެލެވިދާނެ ކުށެއް ކަމުގައިވުން؛

(ށ) އޭނާ އެކްސްޓްރަޑައިޓްކުރުމަށް އެދޭ ގައުމުން އޭނާ އެކްސްޓްރަޑައިޓްކުރުމަށް އެދެނީ، އޭނާ ނިސްބަތްވާ ނަސްލަށް ނުވަތަ ޖިންސަށް ނުވަތަ ދީނަށް ނުވަތަ ގައުމަށް ނުވަތަ އޭނާ ގެންގުޅޭ ސިޔާސީ ވިސްނުމަކަށް ބަލައި، އޭނާގެ މައްޗަށް ދައުވާކުރުމަށް ނުވަތަ އޭނާއަށް އަދަބުދިނުމުގެ މަގްސަދުގައި ކަމަށް ބެލެވިދާނެ ފަދަ އެކަށީގެންވާ ހެކި ލިބިފައިވުން؛

(ނ) އޭނާ އެކްސްޓްރަޑައިޓްކުރުމަށް އެދޭ ގައުމަށް ގެންދެވިއްޖެނަމަ، އެ ގައުމުގައި އޭނާގެ މައްޗަށް ހިންގާ ށަރީއަތުގައި، އޭނާ ނިސްބަތްވާ ނަސްލަށް ނުވަތަ ޖިންސަށް ނުވަތަ ދީނަށް ނުވަތަ ގައުމަށް ނުވަތަ އޭނާ ގެންގުޅޭ ސިޔާސީ ވިސްނުމަކަށް ބަލައި، ތަފާތުކޮށްފާނެކަމަށް ބެލެވުން؛

(ރ) އޭނާ ކުރި އަމަލަކީ ނުވަތަ ނުކޮށް ދޫކޮށްލި ކަމަކީ، ދިވެހިރާއްޖޭގައި ކޮށްފިނަމަ، ދިވެހިރާއްޖޭގެ އަސްކަރީ ގާނޫނުގެ ދަށުން ކުށެއް ކަމުގައި ބެލެވޭ، އެހެންނަމަވެސް، އާންމު ޖިނާއީ ކުށަކަށް ނުވާ ކަމެއް ކަމަށްވުން؛

(ބ) އޭނާ އެކްސްޓްރަޑައިޓްކުރުމަށް އެދޭ ގައުމުން އޭނާ އެކްސްޓްރަޑައިޓްކުރުމަށް އެދެނީ، އޭނާގެ މައްޗަށް ދިވެހިރާއްޖޭގައި ނުވަތަ އެހެން ގައުމެއްގައި އެންމެ ފަހުގެ ހުކުމްކޮށް، އެ ހުކުމް ތަންފީޒުކޮށް ނިމިފައިވާ ކުށަކާ ގުޅޭގޮތުން ކަމަށްވުން؛

(ޅ) އޭނާ ކުރި ކުށަކީ، ވަގުތު ފާއިތުވުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކަށްޓަކައި އޭނާ އެކްސްޓްރަޑައިޓްކުރުމަށް އެދޭ ގައުމުގެ ގާނޫނުގެ ދަށުން ނުވަތަ ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން އޭނާގެ މައްޗަށް ދައުވާ ނުއުފުލޭނެ ކުށެއް ކަމުގައިވުން؛

(ކ) އޭނާއަކީ، އޭނާ ކުރި ކުށާ ގުޅޭގޮތުން ނުވަތަ އެ ކުށުގެ އަމަލުން ފުރިހަމަވާ އެހެން ކުށަކާ ގުޅޭގޮތުން އޭނާ އެކްސްޓްރަޑައިޓްކުރުމަށް އެދޭ ގައުމުގެ ގާނޫނުގެ ދަށުން ނުވަތަ ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން އޭނާގެ މައްޗަށް ދައުވާކޮށް، ކުށުން ބަރީއަވެފައިވާކަމަށް ށަރީއަތުން ކަނޑައަޅާފައިވާ، ނުވަތަ ކުށް ސާބިތުވުމަށްފަހު އެ ކުށަށް އަދަބު ލިބިފައިވާ ނުވަތަ ކުށަށް މައާފު ލިބިފައިވާ މީހެއް ކަމުގައިވުން.

 

ހަތަރުވަނަ ބާބު

ދިވެހިރާއްޖޭގައިވާ ބޭރު ގައުމުތަކުގެ ކުށްވެރިން އެކްސްޓްރަޑައިޓްކުރުމަށް އެދުން

 

15 ވަނަ މާއްދާ - ރާއްޖޭގައިވާ ކުށްވެރިން އެކްސްޓްރަޑައިޓްކުރުމަށް އެދުން

(ހ) މި ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައިވާ ބޭރު ގައުމެއްގެ ކުށްވެރިޔަކު އެ ގައުމަކަށް އެކްސްޓްރަޑައިޓްކުރެވޭނީ، އަންނަނިވި ބޭނުންތަކަށްޓަކައި، އަދި އޭނާ އެކްސްޓްރަޑައިޓްކުރުމަށް އެދޭ ގައުމުން، މި ގާނޫނުގެ ދަށުން ދިވެހިރާއްޖެއަށް ހުށަހަޅާ ހުށަހެޅުމަކާ ގުޅޭގޮތުން ޕްރޮސިކިއުޓަރ ޖެނެރަލް ދޭ ހުއްދައެއްގެ ދަށުންނެވެ.

 1. އޭނާގެ މައްޗަށް ދައުވާ އުފުލިފައިވާ ކުށެއްގެ ށަރީއަތް ހިންގުމަށްޓަކައި؛ ނުވަތަ
 2. އޭނާއަކީ، އޭނާގެ މައްޗަށް ކުށް ސާބިތުވެ، ހުކުމްކޮށްފައިވާ، އެހެންނަމަވެސް އަދަބު ކަނޑައެޅިފައިނުވާ މީހެއްނަމަ، އަދަބު ކަނޑައެޅުމަށްޓަކައި؛ ނުވަތަ
 3. އެމީހަކީ އެމީހެއްގެ މައްޗަށް ކުށް ސާބިތުވެ، ހުކުމްކޮށް، އަދަބު ކަނޑައެޅިފައިވާ މީހެއް ކަމުގައިވާނަމަ، ހުކުމް ތަންފީޒުކުރުމަށްޓަކައި.

(ށ) މި ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައިވާ ބޭރު ގައުމެއްގެ ކުށްވެރިޔަކު އެކްސްޓްރަޑައިޓްކުރުމަށް އެދި ބޭރު ގައުމުތަކުން ދިވެހިރާއްޖެއަށް ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅާނީ، އެ ގައުމެއްގެ ސަރުކާރުގެ ކަމާބެހޭ އިދާރާއެއް މެދުވެރިކޮށް، ފޮރިން މިނިސްޓަރަށެވެ.

(ނ) މި މާއްދާގެ ދަށުން ކުށްވެރިޔަކު އެކްސްޓްރަޑައިޓްކުރުމަށް ބޭރު ގައުމަކުން ހުށަހަޅާ ކޮންމެ ހުށަހެޅުމަކާއެކު ތިރީގައިވާ ލިޔެކިޔުން ހުށަހަޅަންވާނެއެވެ.

 1. ކުށްވެރިޔާއަކީ ކޮން ގައުމަކަށް ނިސްބަތްވާ، ކާކުކަން އެނގޭނެ މައުލޫމާތު؛
 2. ކުށްވެރިޔާ ކޮށްފައިވާ ނުވަތަ އޭނާގެ މައްޗަށް ދައުވާ އުފުލިފައިވާ ކުށް ކޮށްފައިވާ ތަނާއި ވަގުތު އެނގޭނެ ގޮތަށް، ކުށުގެ ތަފްސީލު؛
 3. ކުށްވެރިޔާ ކޮށްފައިވާ ނުވަތަ ކޮށްފައިވާކަމަށް ދައުވާ އުފުލިފައިވާ ކުށް ކަނޑައަޅާފައިވާ ގާނޫނުގެ ކަމާބެހޭ މާއްދާތަކުގެ ކޮޕީ؛
 4. ކުށްވެރިޔާ ކޮށްފައިވާ ނުވަތަ ކޮށްފައިވާކަމަށް ދައުވާ އުފުލިފައިވާ ކުށުގެ އަދަބު ކަނޑައަޅާފައިވާ ގާނޫނުގެ ކަމާބެހޭ މާއްދާތަކުގެ ކޮޕީ؛
 5. ކުށްވެރިޔާއަކީ އެ ގައުމުގައި ކުށެއް ކުރިކަމަށް ދައުވާ އުފުލިފައިވާ މީހެއްނަމަ، އޭނާ ހައްޔަރުކުރުމަށް އެ ގައުމަކުން ނެރެފައިވާ އަމުރު ނުވަތަ އަމުރުގެ އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް، އެ ގައުމުގެ ކަމާބެހޭ ރަސްމީ އިދާރާއަކުން ސޮއިކޮށްފައިވާ ކޮޕީއެއް؛
 6. ކުށްވެރިޔާއަކީ އެ ގައުމުގައި ކުށެއް ކުރިކަމަށް ސާބިތުވެފައިވާ މީހެއް ކަމުގައިވާނަމަ، އޭނާގެ މައްޗަށް ކުށް ސާބިތުކުރި ކޯޓެއްގެ ހުކުމާއި، އޭނާގެ މައްޗަށް ކަނޑައެޅުނު އަދަބު، އަދި އެ ހުކުމުގެ އެއްވެސް މިންވަރެއް ތަންފީޒުކޮށްފައިވާނަމަ، އެކަން ހެކިކޮށްދޭ، އެ ގައުމެއްގެ ކަމާބެހޭ ފަރާތުން ދީފައިވާ ރަސްމީ ލިޔުމެއް؛
 7. ކުށްވެރިޔާ އެކްސްޓްރަޑައިޓްކުރުމަށް އެދި ހުށަހަޅާ ހުށަހެޅުން ނިސްބަތްވާ ކުށް ކުށްވެރިޔާ ކުރިކަން، ފުރަތަމަ ނަޒަރުގައި ސާބިތުވާ މިންވަރަށް ހުށަހަޅާ، މި ގާނޫނު ގަބޫލުކުރާ ހެކި.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ހުށަހަޅާ ލިޔެކިޔުން ހުންނަންވާނީ އިނގިރޭސި ބަހުންނެވެ. އަދި އެ ލިޔުމެއްގެ އަސްލު އޮތީ އިނގިރޭސި ބަހުން ކަމުގައި ނުވާނަމަ، އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް، އެ ގައުމުގެ ކަމާބެހޭ ރަސްމީ އިދާރާއަކުން ސޮއިކޮށްފައިވާ އެ ލިޔުމުގެ އިނގިރޭސި ތަރުޖަމާއެއް ހުށަހަޅަންވާނެއެވެ.

(ބ) މި މާއްދާގެ ދަށުން ބޭރު ގައުމުތަކުން ހުށަހަޅާ ހުށަހެޅުންތައް ހުންނަންވާނެ ގޮތުގެ ނަމޫނާއާއި، އެފަދަ ހުށަހެޅުން ހުށަހެޅުމުގައި އަމަލުކުރާނެ ގޮތުގެ
އިޖުރާއަތު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ޅ) މި މާއްދާގެ ދަށުން ބޭރު ގައުމަކުން ހުށަހަޅާ ހުށަހެޅުމެއް ފޮރިން މިނިސްޓަރަށް ލިބުމުން، މި މާއްދާގެ (ނ) އަދި (ރ) ގެ ދަށުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވޭތޯ ބެލުމަށްފަހު، އެ ހުށަހެޅުމެއް ފޮނުވާނީ ޕްރޮސިކިއުޓަރ ޖެނެރަލަށެވެ.

 

16 ވަނަ މާއްދާ - ކުރިއަށްދިޔުމުގެ ހުއްދަދިނުން

(ހ) މި ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ ހުށަހެޅުމެއް ފޮރިން މިނިސްޓަރު ޕްރޮސިކިއުޓަރ ޖެނެރަލަށް ފޮނުވުމުން، އެ ހުށަހެޅުމާ ގުޅޭގޮތުން އަންނަނިވި ކަންކަން ޕްރޮސިކިއުޓަރ ޖެނެރަލް ކަށަވަރުކުރަންވާނެއެވެ.

 1. ކުށްވެރިޔާ ކުރި ނުވަތަ ކުރިކަމަށް ދައުވާ އުފުލިފައިވާ ކުށަކީ ބޭރު ގައުމުތަކަށް ކުށްވެރިން އެކްސްޓްރަޑައިޓްކުރެވޭނެ ބާވަތުގެ ކުށް ކަމުގައި މި ގާނޫނުގައި ކަނޑައަޅާފައިވާ ކުށްތަކުގެ ތެރެއިން ކުށެއްކަން؛ އަދި
 2. ކުށްވެރިޔާ އެކްސްޓްރަޑައިޓްކުރުމަށް އެދޭ ގައުމަކީ މި ގާނޫނުގެ ދަށުން ކުށްވެރިން އެކްސްޓްރަޑައިޓްކުރެވޭނެ ކަމަށް ކަނޑައަޅާފައިވާ ގައުމެއްކަން؛ އަދި
 3. ކުށްވެރިޔާ ދިވެހިރާއްޖެއިން އެކްސްޓްރަޑައިޓްކުރުމަށް މި ގާނޫނުގެ ދަށުން ނުވަތަ އެހެން ގާނޫނެއްގެ ދަށުން ހުރަސްއަޅާ ކަމެއް ނެތްކަން؛ އަދި
 4. ހުށަހެޅުމައިގެން ކުރިއަށްދިޔުމުގެ ހުއްދަ ނުދޭންވީ އިތުރު ސަބަބެއް ނެތްކަން.

(ށ) ހުށަހެޅުމަކާ ގުޅޭގޮތުން މި މާއްދާގެ (ހ) ގައިވާ ކަންކަން ފުރިހަމަވާނަމަ، އެ ހުށަހެޅުމައިގެން ކުރިއަށްދިޔުމުގެ ހުއްދަ ޕްރޮސިކިއުޓަރ ޖެނެރަލަށް ދެވިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް ހުއްދަ ދޭން ނިންމައިފިނަމަ،
އެ ހުއްދަ ފޮނުވާނީ ހައިކޯޓަށެވެ. ހައިކޯޓަކީ، މި ގާނޫނުގެ ދަށުން މައްސަލަތައް ބަލާނެ ފުރަތަމަ މަރުހަލާގެ ކޯޓެވެ.

(ރ) މި މާއްދާގެ (ށ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް ހުއްދަދިނުމަށް ނިންމައިފިނަމަ، އެ ހުއްދައިގެ ކޮޕީއަކާއި، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހުށަހެޅުމުގެ ކޮޕީއެއް،އެ ހުށަހެޅުން ނިސްބަތްވާ ކުށްވެރިޔާއަށް ޕްރޮސިކިއުޓަރ ޖެނެރަލް ދޭންވާނެއެވެ.

(ބ) މި މާއްދާގެ ދަށުން ހުށަހެޅުމައިގެން ކުރިއަށްދިޔުމުގެ ހުއްދަ ނުދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމައިފިނަމަ، ޕްރޮސިކިއުޓަރ ޖެނެރަލް އެކަން ހައިކޯޓަށް އަންގަންވާނެއެވެ.

(ޅ) ހުށަހެޅުމައިގެން ކުރިއަށްދިޔުމުގެ ހުއްދަ ވަކި ހުށަހެޅުމަކާ ގުޅިގެން ނުދިނުމަށް ނިންމައި، މި މާއްދާގެ (ބ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް އެކަން ކޯޓަށް އަންގާއިރު، އެ ހުށަހެޅުން ނިސްބަތްވާ ކުށްވެރިޔާ ހުރީ މި ގާނޫނުގެ 21 ވަނަ މާއްދާގެ ދަށުން ބަންދެއްގައިނަމަ، އޭނާ ދޫކޮށްލުމަށް ކޯޓުން އަމުރުކުރަންވާނެއެވެ.

(ކ) މި ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައިވާ ބޭރު ގައުމެއްގެ ކުށްވެރިޔަކު އެކްސްޓްރަޑައިޓްކުރުމަށްޓަކައި އެ ކުށްވެރިޔާއާ ގުޅިގެން އެއް ގައުމަށްވުރެ ގިނަ ގައުމުން ހުށަހެޅުމެއް ހުށަހަޅައިފިނަމަ، އޭގެ ތެރެއިން އެ ކުށްވެރިޔާ އެކްސްޓްރަޑައިޓްކުރާނެ ގައުމެއް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމުމުގައި، ދިވެހިރާއްޖެއާއި އެއިން ގައުމަކާއެކު ވެފައިވާ ކަމާބެހޭ ބައިނަލްއަގްވާމީ މުއާހަދާތަކަށާއި އެނޫންވެސް ކަމާގުޅޭ އެންމެހައި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ. އެގޮތުން، އަންނަނިވި ކަންކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ރިއާޔަތްކުރަންވާނެއެވެ.

 1. ހުށަހެޅުންތައް ލިބުނު ތަރުތީބު؛
 2. ކުށްވެރިޔާގެ ގައުމީ ނިސްބަތް؛
 3. ކުށުގެ ށިކާރައަކަށްވީ ފަރާތް ނުވަތަ ފަރާތްތަކުގެ ގައުމީ ނިސްބަތް؛
 4. ކުށްވެރިޔާ އާންމުކޮށް ދިރިއުޅޭ ތަން؛
 5. ކުށުގެ ށިކާރައަކަށްވީ ފަރާތް ނުވަތަ ފަރާތްތައް އާންމުކޮށް ދިރިއުޅޭ ތަން؛
 6. ކުށް ކުރި ތަނާއި ވަގުތު؛
 7. ކުށްވެރިޔާ އެކްސްޓްރަޑައިޓްކުރަން ބޭނުންވަނީ ތަފާތު ކުށްތަކަކާ ގުޅިގެން ކަމުގައިވާނަމަ، ކުށުގެ ކުޑަ ބޮޑުމިން؛
 8. ކުށްވެރިޔާ ތިންވަނަ ގައުމަކަށް އެކްސްޓްރަޑައިޓްކުރުމުގެ ފުރުސަތު އޮތް މިންވަރު؛
 9. ކުށްވެރިޔާ އެކްސްޓްރަޑައިޓްކުރަން ބޭނުންވާ ސަބަބު؛
 10. އަދުލު އިންސާފުގެ ހަމަތަކަށް ބަލާއިރު އެންމެ އިންސާފުވެރި ގޮތް ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެންނަ ގޮތް.

 

17 ވަނަ މާއްދާ - ކުށްވެރިޔާ ދިވެހިރާއްޖެއިން އެކްސްޓްރަޑައިޓްކުރުމަށް ގަބޫލުވުން

(ހ) ދިވެހިރާއްޖޭގައިވާ ބޭރު ގައުމެއްގެ ކުށްވެރިޔަކު އެކްސްޓްރަޑައިޓްކުރަން އެދޭ ގައުމަށް އެކްސްޓްރަޑައިޓްކުރުމަށް އޭނާ ގަބޫލުވާކަން، މި ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ހުށަހެޅުމައިގެން ކުރިއަށްދިޔުމުގެ ހުއްދަ ޕްރޮސިކިއުޓަރ ޖެނެރަލް ދިނުމަށްފަހު ކޮންމެ ވަގުތެއްގައިވެސް ފަނޑިޔާރެއްގެ ކުރިމަތީގައި ހާމަކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ބޭރު ގައުމަކަށް އެކްސްޓްރަޑައިޓްކުރުމަށް ކުށްވެރިޔަކު ގަބޫލުވާނަމަ، އަދި އެފަދައިން އޭނާ ގަބޫލުވެފައިވަނީ އޭނާގެ އަމިއްލަ އިހްތިޔާރުން ކަމަށް ފަނޑިޔާރަށް ގަބޫލުކުރެވޭނަމަ، އަންނަނިވި ގޮތުގެމަތިން ފަނޑިޔާރު އަމަލުކުރަންވާނެއެވެ.

 1. އޭނާ އެކްސްޓްރަޑައިޓްކުރަން އެދޭ ގައުމުން އޭނާ އެކްސްޓްރަޑައިޓްކުރުމަށް އެދިފައިވަނީ އޭނާ ކޮށްފައިވާ ނުވަތަ ކޮށްފައިވާކަމަށް ދައުވާ އުފުލިފައިވާ ކޮން ކުށަކާ ގުޅިގެންކަން އޭނާއަށް އެނގޭކަން ޔަގީންކުރުން؛ އަދި
 2. އެ ގައުމަށް އެކްސްޓްރަޑައިޓްކުރުމަށް ގަބޫލުވުމުގެ ނަތީޖާއަކީ ކޮބައިކަން އޭނާއަށް ބަޔާންކޮށްދިނުން.

(ނ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، ބޭރު ގައުމަކަށް އެކްސްޓްރަޑައިޓްކުރުމަށް ކުށްވެރިޔަކު ގަބޫލުވުމުގެ ނަތީޖާއަކީ، އަންނަނިވި ގޮތުގެމަތިން އޭނާއާމެދު އަމަލުކުރެވުމެވެ.

 1. އޭނާ އެކްސްޓްރަޑައިޓްކުރަން އެދޭ ގައުމަށް އޭނާ އެކްސްޓްރަޑައިޓްކުރުމާމެދު މި ގާނޫނުގެ ދަށުން ގޮތެއް ނިންމެންދެން، ށަރީއަތެއް ބޭއްވުމަކާ ނުލައި އޭނާ ބަންދުކުރުން؛ އަދި
 2. އޭނާ ދިވެހިރާއްޖެއިން އެކްސްޓްރަޑައިޓްކުރުމަށް މި ގާނޫނުގެ 28 ވަނަ މާއްދާގެ (ށ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް ނިންމައި، އެކްސްޓްރަޑިށަން އަމުރެއް ނެރުމުން، އޭނާ އެކްސްޓްރަޑައިޓްކުރަން އެދޭ ގައުމަށް އެކްސްޓްރަޑައިޓްކުރެވުން.

(ރ)  ބޭރު ގައުމަކަށް އެކްސްޓްރަޑައިޓްކުރުމަށް ކުށްވެރިޔަކު ގަބޫލުވުމުގެ ނަތީޖާއަކީ ކޮބައިކަން މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން ކުށްވެރިޔާއަށް ފަނޑިޔާރު ބަޔާންކޮށްދިނުމަށްފަހުގައިވެސް، އޭނާ އެ ގައުމަށް އެކްސްޓްރަޑައިޓްކުރުމަށް ގަބޫލުވާކަން ހާމަކޮށްފިނަމަ، އަންނަނިވި ގޮތުގެމަތިން ފަނޑިޔާރު އަމަލުކުރަންވާނެއެވެ.

 1. އޭނާ ބަންދުކުރުމަށް އަމުރެއް ނެރުން؛ އަދި
 2. އޭނާ ބަންދުކޮށްފައިވާކަމާއި، އޭނާ އެކްސްޓްރަޑައިޓްކުރުމަށް އެދޭ ގައުމުން އޭނާ އެކްސްޓްރަޑައިޓްކުރުމަށް އެދިފައިވަނީ އޭނާ ކޮށްފައިވާ ނުވަތަ އޭނާގެ މައްޗަށް ދައުވާ އުފުލިފައިވާ ކޮން ކުށަކާ ގުޅިގެންކަން ޕްރޮސިކިއުޓަރ ޖެނެރަލަށް ލިޔުމުން އެންގުން.

(ބ) މި މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގެ ދަށުން ފަނޑިޔާރަކު އަންގާ އެންގުމެއް ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބުމުން، ކުށްވެރިޔާ ދިވެހިރާއްޖެއިން އެކްސްޓްރަޑައިޓްކުރުމުގެ އަމުރެއް މި ގާނޫނުގެ 28 ވަނަ މާއްދާގެ (ށ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލަށް ނެރެވިދާނެއެވެ.

(ޅ) ބޭރު ގައުމަކަށް ކުށްވެރިޔަކު އެކްސްޓްރަޑައިޓްކުރުމަށް އެދެނީ އޭނާ ކޮށްފައިވާ ނުވަތަ އޭނާގެ މައްޗަށް ދައުވާ އުފުލިފައިވާ އެއް ކުށަށްވުރެ ގިނަ ކުށާ ގުޅިގެން ކަމުގައިވެފައި، އެ ކުށްތަކަކީ މި ގާނޫނުގެ ދަށުން ކުށްވެރިން އެހެން ގައުމުތަކަށް އެކްސްޓްރަޑައިޓްކުރެވޭ ފަދަ ކުށްކުށް ކަމުގައި ވީނަމަވެސް، މި މާއްދާގެ ދަށުން
އެ ގައުމަކަށް އެކްސްޓްރަޑައިޓްކުރުމަށް ކުށްވެރިޔަކު ގަބޫލުވަނީ، އޭގެ ތެރެއިން އެންމެ ކުށެއް ނުވަތަ ބައެއް ކުށާ ގުޅިގެން ކަމަށްވާނަމަ، މި މާއްދާގެ ދަށުން އޭނާ އެ ގައުމަކަށް އެކްސްޓްރަޑައިޓްކުރުމަށް ނިންމަންވާނީ، އޭނާ ގަބޫލުވެފައިވާ ކުށް ނުވަތަ ކުށްތަކާ ގުޅޭގޮތުން އެކަންޏެވެ.

(ކ) މި ގާނޫނުގެ ދަށުން ކުށްވެރިން އެކްސްޓްރަޑައިޓްކުރެވޭނެ ބާވަތުގެ ކުށެއް ކަމުގައި ކަނޑައަޅާފައިނުވާ ކުށަކާ ގުޅޭގޮތުން ކުށްވެރިޔަކު އެކްސްޓްރަޑައިޓްކުރުމަށް އޭނާ އެކްސްޓްރަޑައިޓްކުރުމަށް އެދޭ ގައުމުން ހުށަހަޅާފައިވާނަމަ، އެ ކުށާ ގުޅޭގޮތުން އެ ގައުމަށް އޭނާ އެކްސްޓްރަޑައިޓްކުރުމަށް އޭނާ ގަބޫލުވޭތޯ ފަނޑިޔާރު ސުވާލުކުރަންވާނެއެވެ. އަދި އެފަދައިން އޭނާ ގަބޫލުނުވާނަމަ، އެ ކުށަކާ ގުޅިގެން އޭނާ އެ ގައުމަށް އެކްސްޓްރަޑައިޓްކުރުމަށް ފެންނަ ކަމަށް މި މާއްދާގެ ދަށުން ނިންމައިގެން ނުވާނެއެވެ.

 

ފަސްވަނަ ބާބު

ހައްޔަރުކުރުމާއި ބަންދުކުރުން

 

18 ވަނަ މާއްދާ - އެކްސްޓްރަޑައިޓްކުރަން ބޭނުންވާ ކުށްވެރިން ހައްޔަރުކުރުން

(ހ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި ފިޔަވައި، މި ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައިވާ ބޭރު ގައުމެއްގެ ކުށްވެރިޔަކު ބޭރު ގައުމަކަށް އެކްސްޓްރަޑައިޓްކުރުމަށްޓަކައި ހައްޔަރުކުރަންވާނީ، އެމީހަކާ ގުޅޭގޮތުން މި ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް ކުރިއަށްދިޔުމުގެ ހުއްދައެއް ދީފައިވާނަމައެވެ.

(ށ) ޕްރޮސިކިއުޓަރ ޖެނެރަލްގެ ހުއްދައަކާ ނުލައި، މި ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައިވާ ބޭރު ގައުމެއްގެ ކުށްވެރިޔަކު ހައްޔަރުކުރެވޭނީ، މި ގާނޫނުގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތުތަކުގެ ތެރެއިން ހާލަތެއްގައި، އެ މާއްދާގައިވާ ގޮތުގެމަތިންނެވެ.

 

19 ވަނަ މާއްދާ - ޕްރޮސިކިއުޓަރ ޖެނެރަލްގެ ހުއްދައިގެ ދަށުން ނެރޭ އަމުރާ އެއްގޮތްވާ ގޮތުގެމަތިން ބަންދުކުރުން

(ހ) މި ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ހުށަހެޅުމައިގެން ކުރިއަށްދިޔުމުގެ ހުއްދަ ޕްރޮސިކިއުޓަރ ޖެނެރަލް ދިނުމުން، އެ ހުއްދަ ނިސްބަތްވާ ހުށަހެޅުމަކީ، މި ގާނޫނުގެ 21 ވަނަ މާއްދާގެ ދަށުން ބަންދުކޮށްފައިވާ މީހަކާގުޅޭ ހުށަހެޅުމެއް ކަމުގައި ނުވާނަމަ، ދިވެހިރާއްޖެއިން އެކްސްޓްރަޑައިޓްކުރަން ބޭނުންވާކަމަށް އެ ހުއްދައިގައި ބަޔާންކުރާ ކުށްވެރިޔާ ހައްޔަރުކުރުމަށް ހައިކޯޓުން އަމުރެއް ނެރެންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ނެރޭ ހައްޔަރުކުރުމުގެ އަމުރަކާ އެއްގޮތްވާ ގޮތުގެމަތިން ހައްޔަރުކުރެވޭ ކުށްވެރިޔަކު، ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި، އަދި ލަސްވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ހައިކޯޓަށް ހާޒިރުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓަށް ހާޒިރުކުރެވޭ ކުށްވެރިޔަކު އެކްސްޓްރަޑައިޓްކުރުމަށް އެދިފައިވާ ގައުމަށް އޭނާ އެކްސްޓްރަޑައިޓްކުރުމާމެދު ގޮތެއް ނިންމުމަށްޓަކައި
މި ގާނޫނުގެ ދަށުން ބާއްވާ ށަރީއަތް ބާއްވާ ނިމެންދެން، އޭނާއާމެދު އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށް އަމަލުކުރުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.

 1. އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމަށް؛ ނުވަތަ
 2. އޭނާ ފިލުމަށް މަސައްކަތް ނުކުރާނެ ކަމަށް ފަނޑިޔާރަށް ގަބޫލުކުރެވޭނަމަ، އޭނާ ކަފާލާތުގެ އުސޫލުން ދޫކުރުމަށް އަމުރުކުރުމަށް؛ ނުވަތަ
 3. މި އަކުރުގެ (1) ވަނަ ނަންބަރު ނުވަތަ (2) ވަނަ ނަންބަރުގެ ދަށުން އަމުރެއް ކުރުމާ އެކުއެކީގައި، ށަރީއަތް ނިމެންދެން އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް އަމުރުކުރުމަށް.

(ރ) މި މާއްދާގައި ބަޔާންކުރާ ކުށްވެރިޔަކު ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް އެދި ކޯޓަށް ހުށަހަޅާފައިވަނިކޮށް، އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފިނަމަ، ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް އެދި އޭނާއަށް އަލުން ހުށައެއްނޭޅޭނެއެވެ.

(ބ) ޖިނާއީ މައްސަލަތަކުގައި ކަފާލާތުގެ އުސޫލުން ދޫކުރުމާ ގުޅޭގޮތުން ދިވެހިރާއްޖޭގައި އަމަލުކުރެވޭ ގަވާއިދުތަކާއި އުސޫލުތައް، މި މާއްދާގެ ދަށުން ކަފާލާތުގެ އުސޫލުން ދޫކުރެވޭ މީހެއްގެ މައްޗަށް ހިނގާނެއެވެ.

 

20 ވަނަ މާއްދާ - ހައްޔަރުކުރުމުގެ ވަގުތީ އަމުރު

(ހ) ޖިނާއީ މައްސަލައަކާ ގުޅިގެން ބޭރު ގައުމަކަށް ބޭނުންވާ ކުށްވެރިޔަކު ވީ ދިވެހިރާއްޖޭގައި ކަމަށް ބެލުމުގައި، ނުވަތަ ކައިރި މުސްތަގުބަލެއްގައި އޭނާ ދިވެހިރާއްޖެ އަތުވެދާނެ ކަމަށް ބެލުމުގައި އެކަށީގެންވާ ހެކި އެ ގައުމަކަށް ލިބިފައިވާނަމަ، އޭނާ އެކްސްޓްރަޑައިޓްކުރުމަށް އެދި އެ ގައުމަކުން ރަސްމީގޮތުން ހުށަހަޅަންދެން އޭނާ ހައްޔަރުކޮށްފައި ބެހެއްޓުމަށްޓަކައި ހައްޔަރުކުރުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް އެދި އެ ގައުމެއްގެ ފަރާތުން ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅުމެއް ހުށަހެޅުމުގައި، އެ ގައުމެއްގެ ސަރުކާރުގެ ކަމާބެހޭ ފަރާތް މެދުވެރިކޮށް ނުވަތަ އިންޓަރނޭށަނަލް ކްރިމިނަލް ޕޮލިސް އޮގަނައިޒޭށަން (އިންޓަރޕޯލް) މެދުވެރިކޮށް ނުވަތަ ދެ ގައުމުގެ ދެމެދުގައިވެފައިވާ މުއާހަދާއެއްގެ ދަށުން އެފަދަ ހުށަހެޅުމެއް ހުށަހެޅިދާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ ހުށަހެޅުމަކާ ގުޅިގެން ހައްޔަރުކުރުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް އެދި އެ ގައުމަކުން ހުށަހަޅާނެ އިޖުރާއަތުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމުގައިވާ ގޮތުގެމަތިން ކޯޓު އަމުރަކަށް އެދި ހައިކޯޓަށް ހުށަހަޅާނީ، ޕްރޮސިކިއުޓަރ ޖެނެރަލެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން ހައްޔަރުކުރުމުގެ ވަގުތީ އަމުރަކަށް އެދި ހައިކޯޓަށް ހުށަހަޅައިފިނަމަ، އެ މައްސަލައާ ގުޅޭގޮތުން އަންނަނިވި ކަންކަން ފުރިހަމަވޭތޯ ބެލުމަށްފަހު، އެ އަމުރު ނިސްބަތްކުރާ ކުށްވެރިޔާ ހައްޔަރުކުރުމަށް ހައިކޯޓަށް ވަގުތީ އަމުރެއް ނެރެވިދާނެއެވެ.

 1. ކުށްވެރިޔާއަކީ، އޭނާ ބަންދުކުރަން އެދޭ ގައުމުގައި ކުށް ކޮށްފައިވާ ފަރާތެއް ކަމުގައިވުން؛ އަދި
 2. ކުށްވެރިޔާ ކުރި ނުވަތަ ކުރިކަމަށް ދައުވާ އުފުލިފައިވާ ކުށަކީ ބޭރު ގައުމުތަކަށް ކުށްވެރިން އެކްސްޓްރަޑައިޓްކުރެވޭނެ ބާވަތުގެ ކުށް ކަމުގައި މި ގާނޫނުގައި ކަނޑައަޅާފައިވާ ކުށެއް ކަމުގައިވުން؛ އަދި
 3. ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި، ނުވަތަ ކުށްވެރިޔާ ބަންދުކުރުމަށް އެދޭ ގައުމާއި ދިވެހިރާއްޖެއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެއަށްވުރެ ދިގު މުއްދަތެއް ކަނޑައެޅިފައިވާނަމަ އެ މުއްދަތެއްގެ ތެރޭގައި، އޭނާ އެކްސްޓްރަޑައިޓްކުރުމަށްޓަކައި ދިވެހިރާއްޖެއަށް ރަސްމީކޮށް ހުށަހަޅަން ގަސްދުކުރާކަން އެ ގައުމަކުން ހާމަކޮށްފައިވުން؛ އަދި
 4. އެ ހުށަހެޅުމަކާއެކު މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުން ހުށަހަޅާފައިވުން؛ އަދި
 5. ކުށްވެރިޔާ ކުރި ނުވަތަ ކުރިކަމަށް ދައުވާ އުފުލިފައިވާ ކުށަކީ ދިވެހިރާއްޖޭގައި ހިނގައިފިނަމަ، ދިވެހިރާއްޖޭގެ ގާނޫނު އެމައްޗަށް ހިނގާނެ ކުށަކަށްވެފައި، އެފަދަ ކުށެއް މީހަކު ކޮށްފިނަމަ، އެމީހަކު ހައްޔަރުކުރުމުގެ އަމުރެއް ނެރުމުގެ އިހްތިޔާރު ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން ކޯޓަށް ލިބިފައި އޮތުން.

(ޅ) މި މާއްދާގެ (ހ) ގެ ދަށުން ހައްޔަރުކުރުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް އެދި
މި މާއްދާގެ (ށ) ގައި ބަޔާންކުރާ ފަރާތަކުން ހުށަހަޅާ ކޮންމެ ހުށަހެޅުމަކާއެކު އަންނަނިވި ލިޔެކިޔުން ހުށަހަޅަންވާނެއެވެ.

 1. ކުށްވެރިޔާ ހައްޔަރުކުރުމަށް އެ ގައުމުގައި ނެރެފައިވާ އަމުރުގެ އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް، އެ ގައުމުގެ ކަމާބެހޭ ރަސްމީ އިދާރާއަކުން ސޮއިކޮށްފައިވާ ކޮޕީއެއް؛
 2. ކުށްވެރިޔާއާބެހޭ ތަފްސީލު؛
 3. ކުށްވެރިޔާ ކޮށްފައިވާ ނުވަތަ ކޮށްފައިވާކަމަށް ދައުވާ އުފުލިފައިވާ ކުށުގެ ތަފްސީލު؛
 4. ކުށްވެރިޔާ ކޮށްފައިވާ ނުވަތަ ކޮށްފައިވާކަމަށް ދައުވާ އުފުލިފައިވާ ކުށް ކަނޑައަޅާފައިވަނީ ގާނޫނަކުންނަމަ، އެއީ ކޮން ގާނޫނެއް ކަމާއި، އެ ގާނޫނެއްގެ ކަމާބެހޭ މާއްދާތަކުގެ ކޮޕީ؛
 5. ކުށްވެރިޔާ ކޮށްފައިވާ ނުވަތަ ކޮށްފައިވާކަމަށް ދައުވާ އުފުލިފައިވާ ކުށަކީ ގާނޫނެއްގައި ކަނޑައެޅިފައިވާ ކުށެއް ކަމުގައި ނުވާނަމަ، އެ ކުށް ކުށަކަށްވަނީ ކިހިނެއްކަން ބަޔާންކޮށްދޭ ސައްހަ ލިޔުމެއް؛
 6. ކުށްވެރިޔާ ކޮށްފައިވާ ނުވަތަ ކޮށްފައިވާކަމަށް ދައުވާ އުފުލިފައިވާ ކުށަކީ ގާނޫނަކުން އަދަބު ކަނޑައަޅާފައިވާ ކުށެއްނަމަ، އެ ގާނޫނެއްގެ ކަމާބެހޭ މާއްދާތަކުގެ ކޮޕީ؛
 7. ކުށްވެރިޔާ ކޮށްފައިވާ ނުވަތަ ކޮށްފައިވާކަމަށް ދައުވާ އުފުލިފައިވާ ކުށަކީ ގާނޫނަކުން އަދަބު ކަނޑައެޅިފައިވާ ކުށެއް ނޫންނަމަ، އެ ކުށަށް އެނޫންގޮތަކަށް އަދަބު ކަނޑައެޅިދާނެ ގޮތް ބަޔާންކޮށްދޭ ސައްހަ ލިޔުމެއް؛
 8. އަދިމި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އިތުރު މައުލޫމާތު.

 

21 ވަނަ މާއްދާ - ހައްޔަރުކުރުމުގެ ވަގުތީ އަމުރުގެ ދަށުން ބަންދުކުރުން

(ހ) މި ގާނޫނުގެ 20 ވަނަ މާއްދާގެ ދަށުން ނެރޭ ހައްޔަރުކުރުމުގެ ވަގުތީ އަމުރަކާ އެއްގޮތްވާ ގޮތުގެމަތިން ހައްޔަރުކުރެވޭ ކުށްވެރިޔަކު، ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި، އަދި ލަސްވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ހައިކޯޓަށް ހާޒިރުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓަށް ހާޒިރުކުރެވޭ ކުށްވެރިޔާ އެކްސްޓްރަޑައިޓްކުރުމަށް އެދި އެ ގައުމުން ހުށަހަޅަންދެން، އަދި އެފަދައިން އެ ގައުމަކުން ހުށަހެޅުމެއް ހުށަހަޅައިފިނަމަ، އެ ހުށަހެޅުމާ ގުޅޭގޮތުން މި ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ކުރިއަށްދިޔުމުގެ ހުއްދައެއް ޕްރޮސިކިއުޓަރ ޖެނެރަލް ދެންދެން، އެމީހަކާމެދު އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށް އަމަލުކުރުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.

 1. އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމަށް؛ ނުވަތަ
 2. އޭނާ ފިލަން މަސައްކަތް ނުކުރާނެ ކަމަށް ފަނޑިޔާރަށް ގަބޫލުކުރެވޭނަމަ، އޭނާ ކަފާލާތުގެ ދަށުން ދޫކުރުމަށް އަމުރުކުރުމަށް؛ ނުވަތަ
 3. މި އަކުރުގެ (1) ވަނަ ނަންބަރު ނުވަތަ (2) ވަނަ ނަންބަރުގެ ދަށުން އަމުރެއް ކުރުމާ އެކުއެކީގައި، އޭނާ ބަންދުކުރުމަށް އެދުނު ގައުމަށް އޭނާ އެކްސްޓްރަޑައިޓްކުރުމާމެދު ގޮތެއް ނިންމުމަށްޓަކައި މި ގާނޫނުގެ ދަށުން ބާއްވާ ށަރީއަތް ނިމެންދެން އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް އަމުރުކުރުމަށް.

(ނ) ޖިނާއީ މައްސަލަތަކުގައި ކަފާލާތުގެ ދަށުން ދޫކުރުމާ ގުޅޭގޮތުން ދިވެހިރާއްޖޭގައި އަމަލުކުރެވޭ ގަވާއިދުތަކާއި އުސޫލުތައް، މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ކަފާލާތުގެ ދަށުން ދޫކުރެވޭ މީހެއްގެ މައްޗަށް ހިނގާނެއެވެ.

(ރ) މި މާއްދާގެ (ށ) ގެ ދަށުން ފަނޑިޔާރަށް ލިބިދޭ އިހްތިޔާރާ އެއްގޮތްވާ ގޮތުގެމަތިން ފަނޑިޔާރު އަމަލުކޮށްފިނަމަ، އަންނަނިވި މައުލޫމާތު ޕްރޮސިކިއުޓަރ ޖެނެރަލަށް ފަނޑިޔާރު ހުށަހަޅަންވާނެއެވެ.

 1. މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުން ކުށްވެރިޔަކު ބަންދުކޮށްފައިވާކަން ނުވަތަ މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން ކަފާލާތުގެ ދަށުން އޭނާ ދޫކޮށްފައިވާކަން؛
 2. ކުށްވެރިޔާ ބަންދުކުރުމަށް އެދުނު ގައުމުގެ ނަން؛
 3. ކުށްވެރިޔާ ކޮށްފައިވާ ނުވަތަ ކޮށްފައިވާކަމަށް ދައުވާ އުފުލިފައިވާ ކުށަކީ ކޮބައިކަން.

(ބ)  މި މާއްދާގެ ދަށުން ހައްޔަރުކުރުމުގެ ވަގުތީ އަމުރެއް ނެރުމުގައި ކޯޓުން ރިއާޔަތްކުރި ލިޔެކިޔުންތަކުގެ ކޮޕީ، ޕްރޮސިކިއުޓަރ ޖެނެރަލަށާއި ބަންދުކުރެވޭ މީހާއަށް ކޯޓުން ދޭންވާނެއެވެ.

 

22 ވަނަ މާއްދާ - ބަންދުން ދޫކުރުން

(ހ) މި ގާނޫނުގެ 21 ވަނަ މާއްދާގެ ދަށުން ބަންދުކުރާ މީހަކު، 45 (ސާޅީސްފަހެއް) ދުވަހަށްވުރެ ދިގު މުއްދަތަކަށް ބަންދުގައި ބަހައްޓައިގެން ނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތް ނަމަވެސް، ކުށްވެރިޔާ ބަންދުކުރުމަށް އެދޭ ގައުމާއި ދިވެހިރާއްޖެއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެއަށްވުރެ ދިގު މުއްދަތެއް ކަނޑައެޅިފައިވާނަމަ، އެ މުއްދަތަކަށް ކުށްވެރިޔާ ބަންދުގައި ބެހެއްޓުމަކަށް މި ގާނޫނު ހުރަހެއްނާޅައެވެ.

(ނ) މި ގާނޫނުގެ 20 ވަނަ މާއްދާގެ ދަށުން ނެރޭ ހައްޔަރުކުރުމުގެ ވަގުތީ އަމުރެއްގެ ދަށުން މި ގާނޫނުގެ 21 ވަނަ މާއްދާގެ ދަށުން ބަންދުކުރާ ކުށްވެރިޔަކު ބަންދުގައި ހުންނަތާ 45 (ސާޅީސްފަހެއް) ދުވަސް ވާއިރު، ނުވަތަ ކުށްވެރިޔާ ބަންދުކުރުމަށް އެދޭ ގައުމާއި ދިވެހިރާއްޖެއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެހެން މުއްދަތެއް ކަނޑައެޅިފައިވާނަމަ، އެ މުއްދަތެއް ފާއިތުވާއިރު، ކުށްވެރިޔާ އެކްސްޓްރަޑައިޓްކުރުމަށް އެދި އެ ގައުމުން ހުށަހަޅާފައި ނުވާނަމަ، ނުވަތަ އެ ގައުމުން އެފަދައިން ހުށަހަޅާފައި ވީނަމަވެސް، މި ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ކުރިއަށްދިޔުމުގެ ހުއްދައެއް ޕްރޮސިކިއުޓަރ ޖެނެރަލް ދީފައި ނުވާނަމަ، އޭނާ ހައިކޯޓަށް ހާޒިރުކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ކޯޓަށް ހާޒިރުކުރެވޭ ކުށްވެރިޔާ އެކްސްޓްރަޑައިޓްކުރުމަށް އެދި އޭނާ ބަންދުކުރަން އެދުނު ގައުމުން ރަސްމީކޮށް ހުށަހަޅާފައި ނުވާނަމަ، އޭނާ އިތުރަށް ބަންދުގައި ބަހައްޓައިގެން ނުވާނެއެވެ. އެހެންނަމަވެސް، އޭނާ އެކްސްޓްރަޑައިޓްކުރުމަށް އެ ގައުމުން ރަސްމީކޮށް ހުށަހެޅުމަށްފަހު، މި ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް ދޭ ހުއްދަ ދީފައިނުވާ ހާލަތުގައި، އިތުރު 45 (ސާޅީސްފަހެއް) ދުވަހުގެ މުއްދަތަށް އޭނާ ބަންދުކުރުމަށް ނުވަތަ ކަފާލާތުގެ ދަށުން ދޫކުރުމަށް ފަނޑިޔާރަށް ނިންމިދާނެއެވެ. އެއީ މި ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް ދޭ ހުއްދަ، އެ 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި ދީފާނެ ކަމަށް ފަނޑިޔާރަށް ގަބޫލުކުރެވޭނަމައެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައިވެސް މި ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް ހުއްދަ ދީފާނެކަމަށް ފަނޑިޔާރަށް ގަބޫލުނުކުރެވޭނަމަ، މި މާއްދާގެ (ނ) ގެ ދަށުން ކޯޓަށް ހާޒިރުކުރެވޭ ކުށްވެރިޔާ ބަންދުން ދޫކުރަންވާނެއެވެ.

(ޅ) މި މާއްދާގެ (ނ) ގެ ދަށުން ކޯޓަށް ހާޒިރުކުރެވޭ ކުށްވެރިޔަކު ބަންދުގައި ބެހެއްޓުމުގެ މުއްދަތު މި މާއްދާގެ (ރ) ގެ ދަށުން އިތުރުކޮށްފިނަމަ، އެ އިތުރުކުރި މުއްދަތު ހަމަވާއިރުވެސް މި ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް ހުއްދަ ދީފައި ނުވާނަމަ، އޭނާ ބަންދުން ދޫކުރަންވާނެއެވެ.

 

ހަވަނަ ބާބު

އެކްސްޓްރަޑައިޓްކުރުމާމެދު ގޮތެއް ނިންމުމަށް ބާއްވާ ށަރީއަތް

 

23 ވަނަ މާއްދާ - ށަރީއަތް ބޭއްވުން

އަންނަނިވި ކަންކަން ފުރިހަމަވާކަމަށް ހައިކޯޓަށް ގަބޫލުކުރެވޭނަމަ، ދިވެހިރާއްޖޭގައިވާ ބޭރު ގައުމެއްގެ ކުށްވެރިޔަކު މި ގާނޫނުގެ ދަށުން އެ ގައުމަށް އެކްސްޓްރަޑައިޓްކުރުމާމެދު ގޮތެއް ނިންމުމަށްޓަކައި ބާއްވާ ށަރީއަތް ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި ބާއްވަންވާނެއެވެ.

(ހ) ކުށްވެރިޔާ އެކްސްޓްރަޑައިޓްކުރުމަށް އެދި ބޭރު ގައުމުން ހުށަހަޅާފައިވާ ހުށަހެޅުމައިގެން ކުރިއަށްދިޔުމަށް މި ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް ހުއްދަ ދީފައިވުން؛ އަދި

(ށ) މި ގާނޫނުގެ 17 ވަނަ މާއްދާގައިވާ ގޮތުގެމަތިން ބޭރު ގައުމަށް އެކްސްޓްރަޑައިޓްކުރުމަށް ކުށްވެރިޔާ ގަބޫލުވެފައިނުވުން؛ އަދި

(ނ) ކުށްވެރިޔާ ބޭރު ގައުމަށް އެކްސްޓްރަޑައިޓްކުރުމަށް އެދި އެ ގައުމުން ހުށަހަޅާފައިވާ ހުށަހެޅުމުގެ ކޮޕީއެއް، މި ގާނޫނުގެ 16 ވަނަ މާއްދާގެ (ރ) ގެ ދަށުން ކުށްވެރިޔާއަށް ލިބުމަށްފަހު، އޭނާއަށް ނުވަތަ އޭނާ އެކްސްޓްރަޑައިޓްކުރުމަށް އެދޭ ގައުމަށް ށަރީއަތަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ލިބިފައިވުން.

 

24 ވަނަ މާއްދާ - ގަބޫލުކުރެވޭ ހެކި

މި މާއްދާގެ ދަށުން ބޭއްވޭ ށަރީއަތެއްގައި، މި ގާނޫނުގެ ދަށުން ސައްހަ ލިޔުމެއް ކަމުގައި ބަޔާންކުރާ ކޮންމެ ލިޔުމެއްވެސް ހެކީގެ ގޮތުގައި ގަބޫލުކުރެވޭނެއެވެ.

 

25 ވަނަ މާއްދާ - ށަރީއަތް ހިނގާނެ ގޮތް

(ހ) މި ގާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ބޭއްވޭ ށަރީއަތް ހިނގާނީ، ދިވެހިރާއްޖޭގައި ޖިނާއީ މައްސަލަތަކުގައި ށަރީއަތް ހިނގާ އުސޫލުންނެވެ. އަދި އަންނަނިވި ކަންކަމާ ގުޅޭގޮތުން އެފަދަ ށަރީއަތްތަކުގައި އަމަލުކުރެވޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ބޭއްވޭ ށަރީއަތްތަކުގެ މައްޗަށްވެސް ހިނގާނެއެވެ.

 1. ހެކިން ހާޒިރުކުރުން؛
 2. ލިޔެކިޔުން ހޯދުން؛
 3. ދައުވާލިބޭ މީހުން ބަންދުކުރުން؛
 4. ހުވައި ކުރުމާއި ބަޔާންނެގުން؛
 5. ކޯޓުގެ ހުރުމަތާ ހިލާފުވުން؛
 6. ކުށްކުށަށް ޖޫރިމަނާކުރުމާއި ޖޫރިމަނާކުރެވޭ ދަރަޖަތައް.

(ށ) މި ގާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ބޭއްވޭ ށަރީއަތެއްގައި، ކުށްވެރިޔާ ކޮށްފައިވާކަމަށް، ނުވަތަ ކޮށްފައިވާކަމަށް ދައުވާ އުފުލިފައިވާކަމަށް ކުށްވެރިޔާ އެކްސްޓްރަޑައިޓްކުރަން އެދޭ ގައުމުން ބަޔާންކޮށްފައިވާ ކުށަކީ، އޭނާ ކޮށްފައިވާ ކުށެއް ނޫންކަމަށް ސާބިތުކުރުމުގެ ގޮތުން ކުށްވެރިޔާއަށް ހެކި ހުށައެއްނޭޅޭނެއެވެ. އަދި އެފަދަ ހެކި ކޯޓަށް ބަލައިގަނެގެން ނުވާނެއެވެ.

 

26 ވަނަ މާއްދާ - ކުށްވެރިޔާ އެކްސްޓްރަޑައިޓްކުރުމާމެދު ގޮތެއް ނިންމުން

(ހ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން މެނުވީ، ދިވެހިރާއްޖޭގައިވާ ބޭރު ގައުމެއްގެ ކުށްވެރިޔަކު އެ ގައުމަށް އެކްސްޓްރަޑައިޓްކުރަން ފެންނަ ކަމަށް، މި ގާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ބޭއްވޭ ށަރީއަތެއްގައި ހައިކޯޓުން ނިންމައިގެން ނުވާނެއެވެ.

(ށ) އަންނަނިވި ކަންކަން ކޯޓަށް ގަބޫލުކުރެވޭނަމަ، ކުށްވެރިޔަކު އެކްސްޓްރަޑައިޓްކުރުމަށް އެދިފައިވާ ގައުމަށް އޭނާ އެކްސްޓްރަޑައިޓްކުރަން ފެންނަ ކަމަށް ނިންމިދާނެއެވެ.

 1. ކުށްވެރިޔާ އެކްސްޓްރަޑައިޓްކުރަން އެދޭ ގައުމަކީ މި ގާނޫނުގެ ދަށުން ކުށްވެރިން އެކްސްޓްރަޑައިޓް ކުރެވޭނެ ގައުމެއް ކަމުގައި ކަނޑައަޅާފައިވާ ގައުމެއްކަން؛ އަދި
 2. ކުށްވެރިޔާ ކުރި ނުވަތަ ކުރިކަމަށް ދައުވާ އުފުލިފައިވާ ކުށަކީ ބޭރު ގައުމުތަކަށް ކުށްވެރިން އެކްސްޓްރަޑައިޓްކުރެވޭނެ ބާވަތުގެ ކުށް ކަމުގައި މި ގާނޫނުގައި ކަނޑައަޅާފައިވާ ކުށެއްކަން؛ އަދި
 3. ކޯޓުން މައްސަލަ ބަލަމުންދާ މީހާއަކީ، ބޭރު ގައުމުން އެކްސްޓްރަޑައިޓްކުރަން ބޭނުންވާ ކުށްވެރިޔާކަން ކަށަވަރުވާކަން؛ އަދި
 4. މި ގާނޫނުގެ 15 ވަނަ މާއްދާގެ (ބ) ގެ ދަށުން ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުން ކޯޓަށް ލިބިފައިވާކަން.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ކޯޓުން ނިންމުމެއް ނިންމުމުގައި، ކުށްވެރިޔާ އެކްސްޓްރަޑައިޓްކުރުމަށް އެދިފައިވާ ގައުމަށް އެކްސްޓްރަޑައިޓްކުރުމާމެދު ކުށްވެރިޔާ އިއުތިރާޒްކޮށް، އެއްވެސް ކޯޓަކަށް މައްސަލައެއް ހުށަހަޅާފައި އޮތުމަކީ، މި މާއްދާގެ ދަށުން އޭނާ އެ ގައުމަށް އެކްސްޓްރަޑައިޓްކުރުމަށް ނުނިންމޭނެ ސަބަބެއް ނޫން ކަމުގައި ކޯޓުން ބަލަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގެ ދަށުން ކުށްވެރިޔަކު އެކްސްޓްރަޑައިޓްކުރުމަށް އެދިފައިވާ ގައުމަށް އޭނާ އެކްސްޓްރަޑައިޓްކުރަން ފެންނަ ކަމަށް ފަނޑިޔާރު ނިންމައިފިނަމަ، އަންނަނިވި ގޮތުގެމަތިން ފަނޑިޔާރު އަމަލުކުރަންވާނެއެވެ.

 1. މި ގާނޫނުގެ 28 ވަނަ މާއްދާގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް ގޮތެއް ނިންމަންދެން ކުށްވެރިޔާ ބަންދުގައި ބެހެއްޓުމަށްޓަކައި އަމުރެއް ނެރުން؛ އަދި
 2. މި މާއްދާގެ (ހ) ގައި ބަޔާންކުރާ އަމުރު ނެރޭ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، މި ގާނޫނުގެ 27 ވަނަ މާއްދާގެ ދަށުން އެ އަމުރު އިސްތިއުނާފުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅިދާނެކަން އޭނާއަށް އެންގުން؛ އަދި
 3. ފަނޑިޔާރުގެ ނިންމުމާއި ކުށްވެރިޔާ ކޮށްފައިވާ ނުވަތަ ކޮށްފައިވާކަމަށް ދައުވާ އުފުލިފައިވާ ކުށުގެ މައުލޫމާތު ލިޔުމުން ރެކޯޑުކުރުން؛ އަދި
 4. މި އަކުރުގެ (3) ވަނަ ނަންބަރުގައި ބަޔާންކުރާ ރެކޯޑުގެ ކޮޕީއެއް ކުށްވެރިޔާއަށާއި ޕްރޮސިކިއުޓަރ ޖެނެރަލަށް ދިނުން.

(ބ) ކުށްވެރިޔާ އެކްސްޓްރަޑައިޓްކުރުމަށް އެދިފައިވާ ގައުމަށް އޭނާ އެކްސްޓްރަޑައިޓްކުރަން ފެންނަ ކަމަށް މި މާއްދާގެ (ށ) ގެ ދަށުން ހައިކޯޓުން ނިންމައިފިނަމަ، އަދި މި ގާނޫނުގެ ދަށުން ކުށްވެރިން އެކްސްޓްރަޑައިޓްކުރެވޭނެ ބާވަތުގެ ކުށް ކަމުގައި ކަނޑައާފައިނުވާ ކުށަކާ ގުޅޭގޮތުން ކުށްވެރިޔާ އެކްސްޓްރަޑައިޓްކުރުމަށް އޭނާ އެކްސްޓްރަޑައިޓްކުރަން ބޭނުންވާ ގައުމުން އެދިފައިވާނަމަ، އެ ކުށާ ގުޅިގެން އެ ގައުމަށް އެކްސްޓްރަޑައިޓްކުރުމަށް އޭނާ ގަބޫލުވޭތޯ ފަނޑިޔާރު އޭނާއާ ސުވާލުކުރަންވާނެއެވެ. އަދި އެފަދައިން އޭނާ ގަބޫލުނުވާނަމަ، އޭނާ އެކްސްޓްރަޑައިޓްކުރަން ފެންނަ ކަމަށް ކޯޓުން ނިންމީ، ހަމައެކަނި އޭނާ އެކްސްޓްރަޑައިޓްކުރުމަށް ފުރަތަމަ އެދިފައިވާ ކުށާ ގުޅޭގޮތުން ކަމުގައި ބެލޭނެއެވެ.

(ޅ) ކުށްވެރިޔަކު އެކްސްޓްރަޑައިޓްކުރުމަށް އެދިފައިވާ ގައުމަށް އޭނާ އެކްސްޓްރަޑައިޓްކުރަން ނުފެންނަ ކަމަށް ހައިކޯޓުން ނިންމައިފިނަމަ، އަންނަނިވި ގޮތުގެމަތިން ކޯޓުން އަމަލުކުރަންވާނެއެވެ.

 1. އޭނާ ދޫކޮށްލުމަށް އަމުރުކުރުން؛ އަދި
 2. އޭނާ ދޫކޮށްލުމަށް އަމުރުކުރިކަމާއި، އޭނާ އެކްސްޓްރަޑައިޓްކުރުމަށް އެދިފައިވާ ގައުމަށް އޭނާ އެކްސްޓްރަޑައިޓްކުރަން ނުފެންނަ ކަމަށް ނިންމި ސަބަބު، ޕްރޮސިކިއުޓަރ ޖެނެރަލަށް ލިޔުމުން އެންގުން.

27 ވަނަ މާއްދާ – އިސްތިއުނާފުކުރުން

(ހ) ދިވެހިރާއްޖޭގައިވާ ބޭރު ގައުމެއްގެ ކުށްވެރިޔަކު އެކްސްޓްރަޑައިޓްކުރުމަށް އެދިފައިވާ ގައުމަށް އޭނާ އެކްސްޓްރަޑައިޓްކުރަން ފެންނަ ކަމަށް މި ގާނޫނުގެ 26 ވަނަ މާއްދާގެ (ނ) ގެ ދަށުން ނިންމައި، މި ގާނޫނުގެ 28 ވަނަ މާއްދާގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް ގޮތެއް ނިންމަންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ހައިކޯޓުން އަމުރުކޮށްފިނަމަ، އެ ނިންމުން އިސްތިއުނާފުކުރުމަށް އެދި ކުށްވެރިޔާއަށް ސުޕްރީމް ކޯޓަށް ހުށަހެޅިދާނެއެވެ.

(ށ) މި ގާނޫނުގެ 26 ވަނަ މާއްދާގެ (ބ) ގެ ދަށުން ކުށްވެރިޔަކު އެކްސްޓްރަޑައިޓްކުރުމަށް އެދިފައިވާ ގައުމަށް އޭނާ އެކްސްޓްރަޑައިޓްކުރަން ނުފެންނަ ކަމަށް ނިންމައި، އޭނާ ދޫކޮށްލުމަށް ހައިކޯޓުން އަމުރުކޮށްފިނަމަ، އެ ނިންމުން އިސްތިއުނާފުކުރުމަށް އެދި ކުށްވެރިޔާ އެކްސްޓްރަޑައިޓްކުރަން އެދޭ ގައުމެއްގެ ކަމާބެހޭ ފަރާތަށް ސުޕްރީމް ކޯޓަށް ހުށަހެޅިދާނެއެވެ.

(ނ) މި މާއްދާގެ ދަށުން އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ، މި ގާނޫނުގެ 26 ވަނަ މާއްދާގެ (ނ) ގެ ދަށުން ނުވަތަ އެ މާއްދާގެ (ބ) ގެ ދަށުން ނެރޭ އަމުރު ނެރޭ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ.

(ރ) މި މާއްދާގެ ދަށުން އިސްތިއުނާފުކުރާ މައްސަލައެއް ބެލުމުގައި ސުޕްރީމް ކޯޓުން ރިއާޔަތްކުރަންވާނީ، މި ގާނޫނުގެ 26 ވަނަ މާއްދާގެ (ނ) ގެ ދަށުން ނުވަތަ އެ މާއްދާގެ (ބ) ގެ ދަށުން ނެރޭ އަމުރު ހައިކޯޓުން ނެރުނުއިރު ކޯޓަށް ލިބިފައިވާ ހެއްކާއި ލިޔެކިޔުންތަކަށް އެކަންޏެވެ.

(ބ) މި މާއްދާގެ ދަށުން އިސްތިއުނާފުކުރާ މައްސަލައެއް ބެލުމަށްފަހު، މި ގާނޫނުގެ 26 ވަނަ މާއްދާގެ (ނ) ގެ ދަށުން ނުވަތަ އެ މާއްދާގެ (ބ) ގެ ދަށުން ނެރެފައިވާ އަމުރެއް ބާތިލުކުރުމަށް ނުވަތަ ބަދަލުކުރުމަށް ނުވަތަ އެ އަމުރަށް ތާއީދުކުރުމަށްވެސް ސުޕްރީމް ކޯޓަށް ނިންމިދާނެއެވެ.

(ޅ) މި މާއްދާގެ ދަށުން އިސްތިއުނާފުކުރާ މައްސަލައެއް ބެލުމަށްފަހު ކުށްވެރިޔާ ބޭރު ގައުމަށް އެކްސްޓްރަޑައިޓްކުރުމަށް ފެންނަ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފިނަމަ، އަދި ކުށްވެރިޔާ ހުރީ ބަންދުކޮށްފައި ކަމަށް ނުވާނަމަ، މި ގާނޫނުގެ 28 ވަނަ މާއްދާގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް ގޮތެއް ނިންމަންދެން ކުށްވެރިޔާ ބަންދުގައި ބެހެއްޓުމަށް ސުޕްރީމް ކޯޓުން އަމުރުކުރަންވާނެއެވެ.

(ކ) މި މާއްދާގެ (ޅ) ގެ ދަށުން ކޯޓުން ނިންމުމެއް ނިންމާއިރު، ކުށްވެރިޔާ ހުރީ ބަންދުކޮށްފައި ކަމަށްވާނަމަ، މި ގާނޫނުގެ 28 ވަނަ މާއްދާގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް ގޮތެއް ނިންމަންދެން އޭނާ ބަންދުގައި ދެމެހެއްޓުމަށް ކޯޓުން އަމުރުކުރަންވާނެއެވެ.

(އ) މި މާއްދާގެ (ޅ) ގެ ދަށުން ކުށްވެރިޔާ ބޭރު ގައުމަށް އެކްސްޓްރަޑައިޓްކުރުމަށް ފެންނަ ކަމަށް ކޯޓުން ނިންމައިފިނަމަ، ކޯޓުގެ ހުކުމްގައި، ކުށްވެރިޔާ އެކްސްޓްރަޑައިޓްކުރުމަށް އެދޭ ގައުމުން އޭނާ އެކްސްޓްރަޑައިޓްކުރުމަށް އެދިފައިވަނީ އޭނާ ކޮށްފައިވާ ނުވަތަ ކޮށްފައިވާކަމަށް ދައުވާ އުފުލިފައިވާ ކޮން ކުށަކާ ގުޅިގެންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(ވ) މި މާއްދާގެ ދަށުން އިސްތިއުނާފުގެ މައްސަލައެއް ބެލުމަށްފަހު ކުށްވެރިޔަކު އެކްސްޓްރަޑައިޓްކުރުމަށް އެދިފައިވާ ގައުމަށް އޭނާ އެކްސްޓްރަޑައިޓްކުރަން ނުފެންނަ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފިނަމަ، އޭނާ ދޫކޮށްލުމަށް ކޯޓުން އަމުރުކުރަންވާނެއެވެ.


ހަތްވަނަ ބާބު

ކުށްވެރިޔާ އެކްސްޓްރަޑައިޓްކުރުމާމެދު ގޮތެއް ނިންމުން

 

28 ވަނަ މާއްދާ - ކުށްވެރިޔާ އެކްސްޓްރަޑައިޓްކުރުމާމެދު ޕްރޮސިކިއުޓަރ ޖެނެރަލް ގޮތެއް ނިންމުން

(ހ) ދިވެހިރާއްޖޭގައިވާ ބޭރު ގައުމެއްގެ ކުށްވެރިޔަކު އެކްސްޓްރަޑައިޓްކުރުމަށް އެދިފައިވާ ގައުމަށް އޭނާ އެކްސްޓްރަޑައިޓްކުރަން ފެންނަ ކަމަށް މި ގާނޫނުގެ 26 ވަނަ މާއްދާގެ ދަށުން ހައިކޯޓުން ނިންމައި، އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފިނަމަ، އަދި އެ ނިންމުމާމެދު އިސްތިއުނާފުކުރަން އޮތް މުއްދަތު ހަމަވިއިރު އެ ނިންމުން އިސްތިއުނާފުކޮށްފައި ނުވާނަމަ ނުވަތަ އެ މުއްދަތުގެ ތެރޭގައި އިސްތިއުނާފުކުރުމުން މި ގާނޫނުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިސްތިއުނާފުގެ މައްސަލަ ސުޕްރީމް ކޯޓުން ބެލުމަށްފަހު ކުށްވެރިޔާ އެކްސްޓްރަޑައިޓްކުރުމަށް އެދިފައިވާ ގައުމަށް އޭނާ އެކްސްޓްރަޑައިޓްކުރުމަށް ފެންނަ ކަމަށް އެ ކޯޓުން ނިންމާފައިވާނަމަ، އޭނާ އެ ގައުމަށް އެކްސްޓްރަޑައިޓް ކުރުމާމެދު އެންމެ ފަހުގެ ނިންމުން ޕްރޮސިކިއުޓަރ ޖެނެރަލް ނިންމަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް ނިންމީ ކުށްވެރިޔާ ބޭރު ގައުމަށް އެކްސްޓްރަޑައިޓްކުރުމަށް ކަމަށްވާނަމަ، ކުށްވެރިޔާ ދިވެހިރާއްޖެއިން އެކްސްޓްރަޑައިޓްކުރުމުގެ އަމުރެއް، މި ގާނޫނުގެ 29 ވަނަ މާއްދާގައިވާ ގޮތުގެމަތިން ނުވަތަ މި ގާނޫނުގެ 30 ވަނަ މާއްދާގައިވާ ގޮތުގެމަތިން ޕްރޮސިކިއުޓަރ ޖެނެރަލް ނެރެންވާނެއެވެ.

(ނ) އަންނަނިވި ހާލަތްތަކުންކުރެ ހާލަތެއްގައި، ކުށްވެރިޔަކު އެކްސްޓްރަޑައިޓްކުރުމަށް އެދިފައިވާ ގައުމަށް އޭނާ އެކްސްޓްރަޑައިޓްނުކުރުމަށް ނިންމުމުގެ އިހްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

 1. ކުށްވެރިޔާ އެކްސްޓްރަޑައިޓްކުރަން އެދޭ ގައުމުން ކުށްވެރިޔާއާ ގުޅޭގޮތުން ކަށަވަރުކޮށްދޭންޖެހޭ ކަންކަން ކަށަވަރުކޮށްދީފައިނުވުން؛ ނުވަތަ ކުށްވެރިން އެކްސްޓްރަޑައިޓްކުރުމާ ގުޅޭގޮތުން ދިވެހިރާއްޖެއާއި ކުށްވެރިޔާ އެކްސްޓްރަޑައިޓްކުރަން އެދޭ ގައުމާ ދެމެދު ވެފައިވާ އެއްބަސްވުމެއްގައި އެފަދަ ކަށަވަރުކޮށްދިނުމެއް ހިމެނޭ މާއްދާއެއް ނެތުން؛
 2. ކުށްވެރިޔާ ކޮށްފައިވާކަމަށް ބަޔާންކުރާ ކުށް ނޫން އެހެން ކުށަކަށް އޭނާގެ މައްޗަށް އެ ގައުމުގައި ދައުވާ ނުކުރެވޭނެ ކަމުގެ ޔަގީންކަންދޭ ގާނޫނެއް އެ ގައުމުގައި ނެތުން؛
 3. އެކްސްޓްރަޑައިޓްކުރަން އެދޭ ކުށްވެރިޔާއަކީ ދިވެހިރައްޔިތަކަށްވުން؛
 4. ކުށްވެރިޔާ ކޮށްފައިވާކަމަށް ބަޔާންކުރާ ކުށަކީ އެ ކުށަކަށް ދިވެހިރާއްޖޭގައި މަރުގެ ހުކުމް ކަނޑައެޅިފައިނުވާ، ނަމަވެސް އެ ގައުމުގައި މަރުގެ ހުކުމް ކަނޑައެޅިފައިވާ ކުށަކަށްވެފައި، ކުށްވެރިޔާ އެ ގައުމަށް ގެންދެވިއްޖެނަމަ، އޭނާގެ މައްޗަށް މަރުގެ ހުކުމެއް ނާންނާނެކަމުގެ ޔަގީންކަން ނުވަތަ އޭނާގެ މައްޗަށް މަރުގެ ހުކުމް ކުރެވުނު ނަމަވެސް އެ ހުކުމް ތަންފީޒުނުކުރެވޭނެ ކަމުގެ ޔަގީންކަން އެ ގައުމުން ދީފައިނުވުން؛
 5. ކުށްވެރިޔާ ކޮށްފައިވާކަމަށް ބަޔާންކުރާ ކުށަކީ، ދިވެހިރާއްޖޭގައި އޭނާގެ މައްޗަށް ދައުވާ އުފުލާފައިވާ ކުށަކަށްވުން؛
 6. ކުށްވެރިޔާ ކޮށްފައިވާކަމަށް ބަޔާންކުރާ ކުށަކީ، އޭނާ އެކްސްޓްރަޑައިޓްކުރަން އެދޭ ގައުމުން ބޭރުގައި ހިނގާފައިވާ ކުށަކަށްވެފައި، އެފަދަ ހާލަތްތަކުގައި ދިވެހިރާއްޖެއިން ބޭރުގައި ހިނގާ ކުށްކުށަކީ ދިވެހިރާއްޖޭގެ ގާނޫނު އެމައްޗަށް ނުހިނގާ ކުށްކުށަށް ވުން؛
 7. ކުށްވެރިޔާ ކޮށްފައިވާކަމަށް ބަޔާންކުރާ ކުށުގެ ބައެއް ނުވަތަ ކުށް އެކުގައި ކޮށްފައިވަނީ ދިވެހިރާއްޖޭގައި ކަމަށް ދިވެހިރާއްޖެއަށް ގަބޫލުކުރެވުން؛
 8. ކުށްވެރިޔާގެ މައްޗަށް އޭނާ އެކްސްޓްރަޑައިޓްކުރަން އެދޭ ގައުމުން ހުކުމް ކޮށްފައިވަނީ އެ ގައުމެއްގެ ހާއްސަ ކޯޓަކުން ނުވަތަ ޓްރައިބިއުނަލަކުން ކަމަށްވުން؛ ނުވަތަ ކުށްވެރިޔާއަކީ ކުށެއް ކުރިކަމުގެ ދައުވާ އުފުލިފައިވާ މީހެއްނަމަ، އެފަދަ ކޯޓަކުން ނުވަތަ ޓްރައިބިއުނަލަކުން އޭނާގެ މައްޗަށް ހުކުމްކުރުމުގެ ފުރުސަތު އޮތުން؛
 9. ކުށްވެރިޔާއަށް އޭނާ އެކްސްޓްރަޑައިޓްކުރަން އެދޭ ގައުމުގައި އަނިޔާކޮށްފައިވުން ނުވަތަ އަނިޔާވެރި އަދަބެއް ދީފައިވުން ނުވަތަ އޭނާއާމެދު އެނޫންވެސް ލާއިންސާނީ ގޮތަކަށް އަމަލުކޮށްފައިވުން؛ ނުވަތަ އެ  ގައުމުގައި އޭނާއާމެދު އެފަދަ ކަމެއް ހިނގާފާނެކަމަށް ބެލުމުގައި އެކަށީގެންވާ ހެކި ލިބިފައިވުން؛
 10. ރާއްޖޭގެ ގައުމީ ފައިދާއަށް ވިސްނާއިރު، އަދި ކުށް މަދުކުރުމަށްޓަކައި ބައިނަލްއަގްވާމީގޮތުން އެއްބާރުލުންދިނުމާ ގުޅޭގޮތުން ދިވެހިރާއްޖެއިން ގެންގުޅޭ ސިޔާސަތުތަކަށް ރިއާޔަތްކުރާއިރު، އަދި ބޭރު ގައުމަށް އެކްސްޓްރަޑައިޓްކުރަން އެދޭ ކުށްވެރިޔާ ކޮށްފައިވާކަމަށް ބަޔާންކުރާ ކުށުގެ ކުޑަ ބޮޑުމިނަށް ރިއާޔަތްކުރާއިރު، އޭނާ ބޭރު ގައުމަށް އެކްސްޓްރަޑައިޓްކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ނުފެނުން.

(ރ) މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގެ ދަށުން ކުށްވެރިޔާ އެކްސްޓްރަޑައިޓްކުރަން އެދޭ ގައުމުން ކުށްވެރިޔާއާ ގުޅޭގޮތުން ކަށަވަރުކޮށްދޭ ކަންކަން ކަމުގައި ބަލާނީ، ކުށްވެރިޔާއަށް އެ ގައުމުން ދިޔުމުގެ ފުރުސަތު ލިބިފައި ނުވަނީސް އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް އޭނާއާމެދު ނުކުރާނެކަން އެ ގައުމުން ޔަގީންކޮށްދިނުމަށެވެ.

 1. ކުށްވެރިޔާ އެ ގައުމަށް އެކްސްޓްރަޑައިޓްކުރަން އެދޭއިރު ކޮށްފައިވާކަމަށް ބަޔާންކުރާ ކުށް ނޫން އެހެން ކުށެއް އޭނާ އެ ގައުމަށް އެކްސްޓްރަޑައިޓްކުރުމުގެ ކުރިން ކޮށްފައިވާނަމަ، އެ ކުށަކާ ގުޅިގެން އޭނާ ނުހިފަހައްޓާނެކަން ނުވަތަ އޭނާގެ މައްޗަށް ދައުވާ ނުކުރާނެކަން؛
 2. ކުށްވެރިޔާ އެ ގައުމަށް އެކްސްޓްރަޑައިޓްކުރުމުގެ ކުރިން ކޮށްފައިވާ ކުށަކާ ގުޅޭގޮތުން އޭނާ ތިންވަނަ ގައުމަކަށް އެކްސްޓްރަޑައިޓްކުރުމުގެ ހުއްދަ އޭނާ އެކްސްޓްރަޑައިޓްކުރަން އެދިފައިވާ ގައުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ދީފައިވާ ހާލަތެއްގައި މެނުވީ، އޭނާ އެފަދަ ތިންވަނަ ގައުމަކަށް ނުގެންދެވޭނެކަން.

(ބ) މި މާއްދާގެ (ހ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް ނިންމީ ކުށްވެރިޔާ ބޭރު ގައުމަށް އެކްސްޓްރަޑައިޓްނުކުރުމަށް ކަމަށްވާނަމަ، އޭނާ ބަންދުން ދޫކޮށްލުމަށް އަންގަންވާނެއެވެ.

 

29 ވަނަ މާއްދާ - އެކްސްޓްރަޑިށަން އަމުރު

(ހ) ދިވެހިރާއްޖޭގައިވާ ބޭރު ގައުމެއްގެ ކުށްވެރިޔަކު ދިވެހިރާއްޖެއިން އެކްސްޓްރަޑައިޓްކުރުމަށް މި ގާނޫނުގެ 28 ވަނަ މާއްދާގެ (ށ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް ނިންމުމަށްފަހު ނެރޭ އެކްސްޓްރަޑިށަން އަމުރު އޮންނަންވާނީ ލިޔުމުންނެވެ. އަދި އެ އަމުރުގައި އަންނަނިވި ކަންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 1. އަމުރުގައި ބަޔާންކުރެވޭ ކުށްވެރިޔާއަކީ ކާކުކަން؛
 2. ކުށްވެރިޔާ ކޮށްފައިވާ ނުވަތަ ކޮށްފައިވާކަމަށް ދައުވާ އުފުލިފައިވާ ކުށަކީ ނުވަތަ ކުށްތަކަކީ ކޮބައިކަން؛
 3. ކުށްވެރިޔާއަކީ މި ގާނޫނުގެ 17 ވަނަ މާއްދާގެ ދަށުން ބޭރު ގައުމަށް އެކްސްޓްރަޑައިޓްކުރުމަށް ގަބޫލުވި މީހެއްނަމަ، އެކަން؛ ނުވަތަ ކުށްވެރިޔާއަކީ މި ގާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ބޭއްވުނު ށަރީއަތެއްގައި ނުވަތަ މި ގާނޫނުގެ 27 ވަނަ މާއްދާގެ ދަށުން ބޭއްވުނު ށަރީއަތެއްގައި އެ ގައުމަށް އެކްސްޓްރަޑައިޓްކުރުމަށް ފެންނަ ކަމަށް ނިންމި މީހެއްނަމަ، އެކަން؛
 4. ކުށްވެރިޔާ އެ ގައުމަށް އެކްސްޓްރަޑައިޓްކުރުމަށްޓަކައި ފުލުސް އޮފިސަރަކާ ހަވާލުކުރުމަށް އޭނާއާ ހަވާލުވެގެން ހުރި މީހާއަށް އެންގުމަށް؛
 5. ކުށްވެރިޔާ އެކްސްޓްރަޑައިޓްކުރުމަށް އެދިފައިވާ ގައުމަށް އެކްސްޓްރަޑައިޓްކުރުމަށްޓަކައި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ކަންކަން ކުރުމުގެ ބާރު ފުލުހުންނަށް ދޭކަން.

(ށ) ކުށްވެރިޔާއަކީ ދިވެހިރާއްޖޭގައި އޭނާ ކޮށްފައިވާ ކުށަކާ ގުޅިގެން ބަންދެއްގައިވާ ނުވަތަ ކަފާލާތުގެ ދަށުން ދޫކޮށްފައިވާ މީހެއް ކަމުގައިވާނަމަ، އެމީހާ ބަންދުން ދޫކޮށްލުމުން މެނުވީ، ނުވަތަ ކަފާލާތުގެ ދަށުން އޭނާ ދޫކޮށްފައިވާ މުއްދަތު ހަމަވުމުން މެނުވީ، އޭނާއާ ދެކޮޅަށް މި މާއްދާގެ ދަށުން ނެރޭ އަމުރެއް ތަންފީޒުކޮށްގެން ނުވާނެއެވެ.

 

30 ވަނަ މާއްދާ - ވަގުތީގޮތުން ދިވެހިރާއްޖެއިން ގެންދިޔުމުގެ އަމުރު

(ހ) ދިވެހިރާއްޖޭގައިވާ ބޭރު ގައުމެއްގެ ކުށްވެރިޔަކީ އަންނަނިވި ހާލަތްތަކަށް ފެތޭ ކުށްވެރިއެއްނަމަ، މި ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން އޭނާ ދިވެހިރާއްޖެއިން އެކްސްޓްރަޑައިޓްކުރުމުގެ އަމުރެއް ނެރުމުގެ ބަދަލުގައި ވަގުތީގޮތުން އޭނާ ދިވެހިރާއްޖެއިން ގެންދިޔުމުގެ އަމުރެއް ޕްރޮސިކިއުޓަރ ޖެނެރަލަށް ނެރެވިދާނެއެވެ.

 1. ކުށްވެރިޔާއަކީ ދިވެހިރާއްޖޭގައި ހުކުމެއް ތަންފީޒުކުރުމުގެ ގޮތުން ބަންދެއްގައިވާ މީހެއް ކަމުގައިވުން؛ އަދި
 2. ކުށްވެރިޔާ ކޮށްފައިވާކަމަށް އޭނާ އެކްސްޓްރަޑައިޓްކުރުމަށް އެދޭ ގައުމުން ބަޔާންކޮށްފައިވާ ކުށަކީ އޭނާގެ މައްޗަށް ސާބިތުވެފައިނުވާ، ނަމަވެސް އޭނާ ކުރި ކަމަށް އޭނާގެ މައްޗަށް ދައުވާ އުފުލިފައިވާ ކުށެއް ކަމުގައިވުން؛ އަދި
 3. ކުށްވެރިޔާ އެކްސްޓްރަޑައިޓްކުރަން އެދޭ ގައުމުގައި ކުށްވެރިޔާގެ ށަރީއަތް ބާއްވާ ނިމުމަށްފަހު 14 (ސާދަ) ދުވަހުގެ ތެރޭގައި އޭނާ އަނބުރާ ދިވެހިރާއްޖެ ގެނެސްދޭނެކަން އެ ގައުމުން ކަށަވަރުކޮށްދީފައިވުން؛ އަދި
 4. ކުށްވެރިޔާ އެކްސްޓްރަޑައިޓްކުރަން އެދޭ ގައުމަށް އޭނާ ގެންދިޔުމާއި އޭނާ އަނބުރާ ދިވެހިރާއްޖެ ގެނައުމުގެ އިންތިޒާމު އެ ގައުމުން ހަމަޖައްސާފައިވާކަން ޕްރޮސިކިއުޓަރ ޖެނެރަލަށް ގަބޫލުކުރެވުން.

(ށ) މި މާއްދާގައި ބަޔާންކުރާ ކުށްވެރިޔާއަކީ ޕެރޯލް ނިޒާމުގެ ދަށުން ދޫކޮށްފައިވާ މީހެއްނަމަ، ނުވަތަ އެނޫންވެސް ހުއްދައެއް ލިބިގެން އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމުގެ ބާކީ އޮތް މުއްދަތަށް ބަންދުން ދޫކޮށްފައިވާ މީހެއްނަމަ، އޭނާއަކީ މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، ބަންދުގައިވާ މީހެއް ކަމުގައެއް ނުބެލެވޭނެއެވެ.

(ނ) އެކްސްޓްރަޑިށަން އަމުރެއްގައި ހިމެނެންވާނެ ކަމަށް މި ގާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބައިތައް، މި މާއްދާގެ (ހ) ގެ ދަށުން ނެރޭ ވަގުތީ އަމުރުގައިވެސް ހިމެނެންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ނެރޭ ވަގުތީ އަމުރެއްގެ ދަށުން ބޭރު ގައުމަކަށް ގެންދެވޭ ކުށްވެރިޔާ އެ ގައުމުގައި ހޭދަކުރާ މުއްދަތަކީ، ދިވެހިރާއްޖޭގައި އޭނާ ތަންފީޒުކުރަމުންދިޔަ ހުކުމް ތަންފީޒުކުރުމަށްޓަކައި ދިވެހިރާއްޖޭގައި އޭނާ ހޭދަކުރި ވަގުތު ކަމުގައި ބެލޭނެއެވެ.

(ބ) މި މާއްދާގެ (ހ) ގެ ދަށުން ނެރޭ ވަގުތީ އަމުރެއްގެ ދަށުން ކުށްވެރިޔާ ބޭރު ގައުމުގައި ވަނިކޮށް، އޭނާ ދިވެހިރާއްޖޭގައި ތަންފީޒުކުރަމުންދިޔަ ހުކުމް ނިމުމަކަށް އައިސްފިނަމަ، އޭނާ ށަރީއަތަށް ހާޒިރުކުރުމާއި އޭނާ އަނބުރާ ދިވެހިރާއްޖެ ގެނައުމާ ގުޅޭގޮތުން މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން އޭނާ އެކްސްޓްރަޑައިޓްކުރަން އެދޭ ގައުމުން ކަށަވަރުކޮށްދޭ ކަންކަން އޭނާގެ މައްޗަށް ނުހިނގާނެކަން ޕްރޮސިކިއުޓަރ ޖެނެރަލް އަންގަންވާނެއެވެ.

(ޅ) މި މާއްދާގެ (ހ) ގެ ދަށުން ވަގުތީ ގޮތުން ދިވެހިރާއްޖެއިން ގެންދިޔުމުގެ އަމުރެއް އެމީހަކާ ދެކޮޅަށް ނެރެފައިވާ ކުށްވެރިޔަކު، އޭނާ ގެންދަން އެދުނު ގައުމަށް ގެންދިޔުމަށްފަހު އޭނާގެ ށަރީއަތް އެ ގައުމުގައި ހިންގައި ނިމި، އޭނާ ގެންދެވުނު ކުށާ ގުޅިގެން އަދަބު ކަނޑައަޅާ ނިމުމަށްފަހު ދިވެހިރާއްޖެ ގެނެސްފައިވާނަމަ، އަދި އޭނާ ދިވެހިރާއްޖޭގައި ތަންފީޒުކުރަމުންދިޔަ، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހުކުމް ތަންފީޒުކޮށް ނިމުމުން، މި ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން އޭނާ އެ ގައުމަށް އެކްސްޓްރަޑައިޓްކުރުމުގެ އަމުރެއް ޕްރޮސިކިއުޓަރ ޖެނެރަލަށް ނެރެވިދާނެއެވެ. ނަމަވެސް، އެވަގުތު އޭނާ އެކްސްޓްރަޑައިޓްކުރަން އެދޭ ގައުމުގެ ހާލަތު ބަދަލުވެފައިވާނަމަ، އޭނާ އެ ގައުމަށް އެކްސްޓްރަޑައިޓްކުރުމަކީ އެންމެ އިންސާފުވެރިގޮތް ނޫން ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިއްޖެ ހިނދެއްގައި އެފަދަ އަމުރެއް ނުނެރުމުގެ އިހްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

(ކ)މި މާއްދާގެ (ޅ) ގެ ދަށުން ކުށްވެރިޔާ އެކްސްޓްރަޑައިޓްކުރަން އެދޭ ގައުމަށް އޭނާ އެކްސްޓްރަޑައިޓްކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމަންވާނީ، މި ގާނޫނުގެ
28 ވަނަ މާއްދާގެ (ނ) އަދި (ރ) ގައި ބަޔާންކުރާ ށަރުތުތައް، ކުށްވެރިޔާ އެކްސްޓްރަޑައިޓްކުރުމަށް އެދޭ ގައުމުން މި މާއްދާގެ (ޅ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމަކާ ގުޅޭގޮތުން ފުރިހަމަވާނަމައެވެ.

 

31 ވަނަ މާއްދާ - ކުށްވެރިޔާ އެކްސްޓްރަޑައިޓްކުރުން ލަސްވުން

(ހ) މި ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައިވާ ބޭރު ގައުމެއްގެ ކުށްވެރިޔަކު ދިވެހިރާއްޖެއިން އެކްސްޓްރަޑައިޓްކުރުމަށް އަމުރެއް ނެރޭ ތާރީހުން ފެށިގެން 2 (ދޭއް) މަސްދުވަހުގެ ތެރޭގައި އެ އަމުރުގައި ބަޔާންކުރާ ކުށްވެރިޔާ އެކްސްޓްރަޑައިޓްކުރަން އެދޭ ގައުމަށް އެކްސްޓްރަޑައިޓް ކޮށްފައި ނުވާނަމަ، އޭނާ ބަންދުން ދޫކޮށްލުމަށް އަމުރެއް ނެރެދިނުމަށް އެދި އޭނާއަށް ހައިކޯޓަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ބަންދުން ދޫކޮށްލުމަށް ކުށްވެރިޔާ އެދެފިނަމަ، އެކަން އޭނާ ޕްރޮސިކިއުޓަރ ޖެނެރަލަށް އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ހައިކޯޓަށް ހުށަހެޅުމެއް ލިބުމުން، އެކަން ޕްރޮސިކިއުޓަރ ޖެނެރަލަށް އެނގޭތޯ ބެލުމަށްފަހު، ކުށްވެރިޔާ ދިވެހިރާއްޖެއިން އެކްސްޓްރަޑައިޓް ކޮށްފައިނުވަނީ އެކަށީގެންވާ ސަބަބަކަށްޓަކައި ކަމަށް ކޯޓަށް ގަބޫލުނުކުރެވިއްޖެ ހިނދެއްގައި، އޭނާ ބަންދުން ދޫކުރުމަށް ކޯޓުން އަމުރުކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ބޭނުމަށްޓަކައި އަންނަނިވި ހާލަތްތަކަކީ، އެކަށީގެންވާ ސަބަބު ކަމުގައި ބެލޭނެއެވެ.

 1. ކުށްވެރިޔާ ދިވެހިރާއްޖެއިން އެކްސްޓްރަޑައިޓްކުރުމަކީ، އޭނާގެ ސިއްހަތަށް ނުވަތަ ފުރާނައަށް ނުރައްކާވެދާނެ ކަމެއް ކަމުގައިވުން؛ ނުވަތަ
 2. ކުށްވެރިޔާ އެކްސްޓްރަޑައިޓްކުރަން އެދޭ ގައުމަށް އޭނާ އެކްސްޓްރަޑައިޓްކުރުމަށްޓަކައި ދަތުރުކުރެވޭނެ އެކަށީގެންވާ ވަސީލަތެއް ނެތުން، އަދި އެފަދަ ވަސީލަތެއް ހޯދުމަށްޓަކައި އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށްފައިވުން؛
 3. ކުށްވެރިޔާ އެކްސްޓްރަޑައިޓްކުރަން އެދޭ ގައުމަށް އޭނާ އެކްސްޓްރަޑައިޓްކުރުމަށްޓަކައި ހުއްދަ ހޯދަންޖެހޭ އެހެން ބޭރު ގައުމަކުން އެ ހުއްދަ ދީފައި ނުވުން، އަދި އެ ހުއްދަ ހޯދުމަށްޓަކައި އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށްފައިވުން؛
 4. ކުށްވެރިޔާ އެކްސްޓްރަޑައިޓްކުރަން އެދޭ ގައުމަކީ ދިވެހިރާއްޖެއާ ވަރަށް ދުރުގައި އޮތް ގައުމަކަށްވީތީ، މި މާއްދާގެ (ހ) ގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި އެ ގައުމަށް ނުދެވުމުގެ ފުރުސަތު އޮތުން.

32 ވަނަ މާއްދާ - ހަމައެކަނި ށަރީއަތް ހިންގުމަށްޓަކައި އެކްސްޓްރަޑައިޓްކުރުން

ދިވެހިރާއްޖޭގައިވާ ބޭރު ގައުމެއްގެ ކުށްވެރިޔަކީ އޭނާ އެކްސްޓްރަޑައިޓްކުރުމަށް އެދޭ ގައުމަށް އެކްސްޓްރަޑައިޓް ކޮށްފިނަމަ، އޭނާއަށް އަނިޔާކޮށްފާނެތީ ނުވަތަ އަނިޔާވެރި އަދަބެއް ދީފާނެތީ ނުވަތަ އޭނާއާމެދު ލާއިންސާނީ ގޮތަކަށް އަމަލުކޮށްފާނެތީ އޭނާ އެކްސްޓްރަޑައިޓްކުރުމުގެ ހުއްދަ ނުދޭން މި ގާނޫނުގެ 28 ވަނަ މާއްދާގެ (ނ) ގެ (9) ވަނަ ނަންބަރުގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް ނިންމާފައިވާ ކުށްވެރިއެއްނަމަ، ހަމައެކަނި އޭނާގެ ށަރީއަތް އެ ގައުމުގައި ހިންގުމަށްޓަކައި އޭނާ އެ ގައުމަށް ފޮނުވައިދިނުމަށް އެދި އެ ގައުމަކުން ހުށަހަޅައިފިނަމަ، އަދި  އެ ހުށަހެޅުމަކާ ގުޅޭގޮތުން އަންނަނިވި ށަރުތުތައް ފުރިހަމަވާނަމަ، ކުށްވެރިޔާގެ ށަރީއަތް  އެ ގައުމުގައި ހިންގުމަށްޓަކައި އެ ގައުމަކަށް އޭނާ އެކްސްޓްރަޑައިޓްކުރުމުގެ ހުއްދަ ޕްރޮސިކިއުޓަރ ޖެނެރަލަށް ދެވިދާނެއެވެ.

(ހ) އެ ގައުމުގައި ށަރީއަތް ބޭއްވުމަށްފަހު ކުށް ސާބިތުކުރެވޭ މީހަކު ދިވެހިރާއްޖެ ގެނައުމަށް އެ ގައުމުގެ ގާނޫނު ހުއްދަކުރާނަމަ؛ އަދި

(ށ) އެ ގައުމުގައި ކުށްވެރިޔާގެ މައްޗަށް ކުށް ސާބިތުވެ ހުކުމް ކުރެވިއްޖެނަމަ، އޭނާ ދިވެހިރާއްޖެއަށް ފޮނުވާނެކަން އެ ގައުމުން ކަށަވަރުކޮށްދީފައިވުން؛ އަދި

(ނ) ކުށްވެރިޔާއާ ދޭތެރޭގައި ލާއިންސާނީ ގޮތަކަށް އަމަލުނުކުރާނެކަން ނުވަތަ އޭނާއަށް އެފަދަ އަދަބު ނުދޭނެކަން ދިވެހިރާއްޖެއަށް ގަބޫލުކުރެވުން.

33 ވަނަ މާއްދާ - އެކްސްޓްރަޑައިޓްކުރުމުގެ ބަދަލުގައި ދިވެހިރާއްޖޭގައި ދައުވާކުރުން

(ހ) މި ގާނޫނުގެ 28 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ސަބަބުތަކުގެ ތެރެއިން ސަބަބަކަށްޓަކައި ދިވެހިރާއްޖޭގައިވާ ބޭރު ގައުމެއްގެ ކުށްވެރިޔަކު ދިވެހިރާއްޖެއިން އެކްސްޓްރަޑައިޓްކުރުމުގެ ހުއްދަ ދޭން ޕްރޮސިކިއުޓަރ ޖެނެރަލަށް ނުފެންނަނަމަ، އޭނާ ދިވެހިރާއްޖެއިން އެކްސްޓްރަޑައިޓްކުރުމުގެ ބަދަލުގައި އޭނާ އެކްސްޓްރަޑައިޓްކުރުމަށް އެދިފައިވާ ކުށަށް އޭނާގެ މައްޗަށް ދިވެހިރާއްޖޭގައި ދައުވާކުރަން ނިންމިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށްވެރިޔާ ކޮށްފައިވާކަމަށް ބަޔާންކޮށްފައިވާ ކުށަކީ، ދިވެހިރާއްޖޭގައި، ހަމަ އެވަގުތު، އަދި އެ ހާލަތްތަކުގައި ހިނގައިފިނަމަ ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން ކުށެއް ކަމުގައި ބެލެވޭ ކުށަކަށް ވާންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ދިވެހިރާއްޖޭގައި މީހެއްގެ މައްޗަށް ދައުވާކުރަން ނިންމައިފިނަމަ، މި މާއްދާގެ ބޭނުމަށްޓަކައި، އެމީހާ ކޮށްފައިވާ ކުށަކީ ދިވެހިރާއްޖޭގައި ކުރި ކުށެއް ކަމުގައި ބެލޭނެއެވެ. އަދި ދިވެހިރާއްޖޭގައި ކުރެވޭ ނުވަތަ ދިވެހިރާއްޖޭގެ ގާނޫނު އެމައްޗަށް ހިނގާ ކުށްކުށާ ގުޅިގެން ދައުވާކުރުމުގައި އަމަލުކުރެވޭ އުސޫލުތައް އެ ކުށްވެރިޔާގެ މައްޗަށް ހިނގާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ދިވެހިރާއްޖޭގައި މީހެއްގެ މައްޗަށް ދައުވާކުރަންވާނީ، އޭނާގެ މައްޗަށް ދައުވާކުރުމަށްޓަކައި އެކަށީގެންވާ ހެކި ލިބިފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ގަބޫލުކުރެވޭނަމަ، އަދި އެ ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ހުއްދަ ދޭނަމައެވެ.

 

އަށްވަނަ ބާބު

އެކްސްޓްރަޑައިޓްކުރެވޭނެ ގައުމުތައް

 

34 ވަނަ މާއްދާ - ގެޒެޓުގައި ށާއިއުކުރެވޭ ގައުމުތައް

(ހ) މި ބާބުގެ ދަށުން ގެޒެޓުގައި ށާއިއުކުރެވޭ ގައުމަކީ، މި ގާނޫނުގެ ދަށުން ކުށްވެރިން އެ ގައުމަކަށް އެކްސްޓްރަޑައިޓްކުރެވޭނެ ގައުމެއް ކަމުގައި މި ގާނޫނުގެ ބޭނުމަށްޓަކައި ބެލޭނެއެވެ.

(ށ) ވަކި ގައުމަކީ މި ގާނޫނުގެ ދަށުން ކުށްވެރިން ގެންދެވޭނެ ގައުމެއް ކަމުގައި ކަނޑައެޅުމަށްޓަކައި މި ބާބުގެ ދަށުން މިނިސްޓަރ އޮފް ފޮރިން އެފެއާޒް ގެޒެޓުގައި ގަރާރެއް ށާއިއުކޮށްފިނަމަ، މަދުވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި އެ ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން މަޖިލީހަށް ހުށަހެޅޭ ގަރާރަކަށް މަޖިލީހުގެ ރުހުން ނުލިބިއްޖެނަމަ، މަޖިލީހުން އެކަން ފާސްކުރާ ދުވަހުން ފެށިގެން އެ ގަރާރެއް ބާތިލުވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ގަރާރެއް ބާތިލުވެއްޖެނަމަ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެކަން ބަޔާންކޮށް، ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

(ބ) މި މާއްދާގައިވާ ގޮތުގެމަތިން ގެޒެޓުގައި ށާއިއުކުރާ ގަރާރެއްގެ ސައްހަކަމާމެދު އެއްވެސް ށަރުއީ ކޯޓެއްގައި ސުވާލެއް ނުކުރެވޭނެއެވެ.

 

35 ވަނަ މާއްދާ - މުއާހަދާ ގައުމުތައް

(ހ) ކުށްވެރިން އެކްސްޓްރަޑައިޓްކުރުމާ ގުޅޭގޮތުން ދިވެހިރާއްޖެއިން އެ ގައުމަކާއެކު މުއާހަދާއެއްގައި ސޮއިކޮށްފައިވާ ގައުމަކީ، މި ގާނޫނުގެ ދަށުން ކުށްވެރިން ގެންދެވޭނެ ގައުމެއް ކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ކަނޑައަޅައި، ގެޒެޓުގައި ށާއިއުކުރާ ގައުމަކީ، މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އެހިނދުން ފެށިގެން މި ގާނޫނު އެ ގައުމެއްގެ މައްޗަށް ހިނގާނެ ގައުމެއް ކަމުގައި ބެލޭނެއެވެ.

(ށ) މި މާއްދާގެ ދަށުން ގައުމެއް ގެޒެޓުގައި ށާއިއުކުރެވޭނީ، ކުށްވެރިން އެކްސްޓްރަޑައިޓްކުރުމާ ގުޅޭގޮތުން އެ ގައުމާއި ދިވެހިރާއްޖެއާ ދެމެދު އެއްބަސްވެފައިވާ މުއާހަދާގައި ބަޔާންކުރާ އެއްވެސް ކަމެއް، މި ގާނޫނުގެ 14 ވަނަ މާއްދާގައި ބަޔާންކުރާ ކަމަކާ ތައާރުޒުނުވާނަމައެވެ.

(ނ) މި މާއްދާގެ ދަށުން ގެޒެޓުގައި ށާއިއުކުރެވޭ ގައުމަކީ، މި ގާނޫނުގެ ދަށުން ކުށްވެރިން އެ ގައުމަކަށް ގެންދެވޭ ގައުމެއް ކަމުގައި ބެލޭނީ، އެ ގައުމާއި ދިވެހިރާއްޖެއާ ދެމެދު އެއްބަސްވެފައިވާ މުއާހަދާ ދެމިއޮތްހާ ހިނދެއްގައެވެ.

(ރ) މި މާއްދާގެ ދަށުން ގެޒެޓުގައި ށާއިއުކުރެވޭ ގައުމެއްގެ މައްޗަށް މި ގާނޫނު ހިނގާނީ، މި ގާނޫނުގައި އެހެން ގޮތަކަށް ކަނޑައަޅާފައިނުވާހާ ހިނދަކު، އެ މުއާހަދާއެއްގައި ކަނޑައަޅާފައިވާ ށަރުތުތަކާއި އިސްތިސްނާތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އަދި އެ މުއާހަދާ ދެމިއޮންނާނެ މުއްދަތަކަށެވެ.

 

36 ވަނަ މާއްދާ - އެހެން ގައުމުތައް

(ހ) މި ގާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކުރާ ގައުމުތައް ފިޔަވައި އެހެން ގައުމަކުން ދިވެހިރާއްޖޭގައިވާ ބޭރު ގައުމެއްގެ ކުށްވެރިޔަކު އެކްސްޓްރަޑައިޓްކުރުމަށް އެދި މިނިސްޓަރ އޮފް ފޮރިން އެފެއާޒަށް ހުށަހަޅައިފިނަމަ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ ގައުމަކީ މި ގާނޫނުގެ ދަށުން ކުށްވެރިން ގެންދެވޭނެ ގައުމެއް ކަމުގައި ކަނޑައަޅައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒަށް ގެޒެޓުގައި ށާއިއުކުރެވިދާނެއެވެ.

(ށ) މި މާއްދާގެ ދަށުން ވަކި ގައުމެއް ގެޒެޓުގައި ށާއިއުކުރަން ނިންމުމުގައި، އަންނަނިވި ކަންކަމަށް ރިއާޔަތްކުރުމާއެކު، އެކަމާ ގުޅޭގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ލަފައެއް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ހޯދަންވާނެއެވެ.

 1. ރާއްޖޭގެ އާންމު ފައިދާއަށް؛
 2. އެކްސްޓްރަޑައިޓްކުރަން ބޭނުންވާ ކުށްވެރިޔާ ކޮށްފައިވާ ނުވަތަ ކޮށްފައިވާކަމަށް ދައުވާ އުފުލިފައިވާ ކުށުގެ ބޮޑުމިން؛
 3. އެ ގައުމުގެ އާންމު ފައިދާއަށް.

(ނ) މި މާއްދާގެ ދަށުން ގެޒެޓުގައި ށާއިއުކުރާ ގައުމަކީ، މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އެހިނދުން ފެށިގެން މި ގާނޫނު އެ ގައުމެއްގެ މައްޗަށް ހިނގާނެ ގައުމެއް ކަމުގައި ބެލޭނެއެވެ.

(ރ) މި މާއްދާގެ ދަށުން ގެޒެޓުގައި ށާއިއުކުރެވޭ ގައުމެއްގެ މައްޗަށް ހިނގާނީ،
މި ގާނޫނުގެ މާއްދާތަކުގެ ތެރެއިން އެ ގައުމެއްގެ މައްޗަށް ހިނގާނެ ކަމަށް ގެޒެޓުގައި ބަޔާންކޮށްފައިވާ މިންވަރެކެވެ.

 

ނުވަވަނަ ބާބު

ހޯދައި ހިފެހެއްޓުމާއި ޓްރާންޒިޓްކުރުމާބެހޭ އުސޫލުތައް

 

37 ވަނަ މާއްދާ - ބާބުގެ މަގްސަދު

މި ބާބުގެ މަގްސަދަކީ، މި ގާނޫނުގެ ބޭނުމަށްޓަކައި ކުށްވެރިން ހޯދައި ހައްޔަރުކުރުމާއި، މުދާ ހިފެހެއްޓުމާއި، ބޭރު ގައުމުތަކުގެ ކުށްވެރިން ތިންވަނަ ގައުމަކަށް އެކްސްޓްރަޑައިޓްކުރެވޭއިރު ދިވެހިރާއްޖޭގައި ޓްރާންޒިޓްކުރުމާބެހޭ އުސޫލުތައް ކަނޑައެޅުމެވެ.

 

38 ވަނަ މާއްދާ - ބަލައި ފާސްކުރުމާއި ހިފެހެއްޓުމުގެ ބާރު

(ހ) މި ގާނޫނުގެ ދަށުން ނެރޭ އަމުރެއްގެ ދަށުން ފުލުހުންގެ އޮފިސަރަކު ކުށްވެރިޔަކު ހައްޔަރުކުރާއިރު އޭނާގެ ކައިރީގައި ހުރި އެއްޗަކީ، އެ އަމުރުގައި ބަޔާންކޮށްފައިވާ ކުށް ސާބިތުކުރުމަށް މުހިންމު ހެއްކަކަށް ވެދާނެ އެއްޗެއް ކަމަށް ގަބޫލުކުރުމުގައި އެކަށީގެންވާ ހެކި ލިބިފައިވާނަމަ، ނުވަތަ އެ އެއްޗަކީ، އެ އަމުރުގައި ބަޔާންކޮށްފައިވާ ކުށް ކޮށްގެން ހޯދާފައިވާ އެއްޗެއް ކަމަށް ގަބޫލުކުރުމުގައި އެކަށީގެންވާ
ހެކި ލިބިފައިވާނަމަ، އެ އެއްޗެއް އެ އޮފިސަރަކަށް ހިފެހެއްޓިދާނެއެވެ.

(ށ) މި ގާނޫނުގެ ދަށުން ނެރޭ އަމުރެއްގެ ދަށުން ފުލުހުންގެ އޮފިސަރަކު ކުށްވެރިޔަކު ހައްޔަރުކުރާއިރު، އެ އަމުރުގައި ބަޔާންކޮށްފައިވާ ކުށް ސާބިތުކުރުމަށް މުހިންމު ހެއްކަކަށް ވެދާނެ ނުވަތަ އެ އަމުރުގައި ބަޔާންކޮށްފައިވާ ކުށް ކޮށްގެން ހޯދާފައިވާ އެއްޗެއް، އެއީ ފައިސާކަމަށްވިޔަސް، އެމީހާގެ ހަށިގަނޑުގައި، ނުވަތަ އޭނާ ލައިގެން ހުރި ހެދުމުގައި، ނުވަތަ އޭނާ ކައިރީގައިވާ، އޭނާގެ ބާރުގެ ދަށުގައިވާ އެއްޗެއްގައި ނުވަތަ އެއްޗެއްގެ ތެރޭގައި ވާކަމަށް ގަބޫލުކުރުމުގައި އެކަށީގެންވާ ހެކި ލިބިފައިވާނަމަ،
އެ އޮފިސަރަށް އޭނާގެ ހަށިގަނޑާއި އޭނާ ލައިގެން ހުރި ހެދުން ނުވަތަ އޭނާ ކައިރީގައި ހުރި އެއްޗެއް ބަލައި ފާސްކުރެވިދާނެއެވެ. އަދި އެފަދައިން ބަލައި ފާސްކުރުމުގެ ސަބަބުން ފެންނަ އެއްޗެއް ހިފެހެއްޓިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ބަލައި ފާސްކުރުމުގައި، މީހަކު ލައިގެން ހުރި ހެދުން ނުވަތަ ހެދުމުގެ ބައެއް ބޭލުމުގެ ނުވަތަ ބޭލުމަށް އެންގުމުގެ ބާރު ފުލުހުންގެ އޮފިސަރަކަށް ލިބިގެނެއްނުވެއެވެ.

(ރ) މި މާއްދާގެ (ށ) ގެ ދަށުން މީހެއްގެ ހަށިގަނޑާއި ހެދުން ބަލައި ފާސްކުރާނީ އޭނާއާ އެއް ޖިންސުގެ އޮފިސަރެކެވެ.

(ބ) މި މާއްދާގެ ދަށުން ހިފަހައްޓާ އެއްޗަކާމެދު އަމަލުކުރަންވީ ވަކި ގޮތެއް ޕްރޮސިކިއުޓަރ ޖެނެރަލް އަންގަންދެން، އެ އެއްޗެއް ރައްކާތެރިކަންމަތީ ބެލެހެއްޓުމަކީ ފުލުހުންގެ ޒިންމާއެކެވެ.

(ޅ) މި މާއްދާގެ ދަށުން ލިބިދޭ ބާރުތަކަކީ، އެހެން ގާނޫނެއް ނުވަތަ ގާނޫނުތަކެއްގެ ދަށުން ފުލުހުންނަށް ލިބިދޭ ބާރުތަކުގެ އިތުރުން ލިބިދޭ ބާރުތަކެކެވެ.

 

39 ވަނަ މާއްދާ - ބަލައި ފާސްކުރުމުގެ އަމުރާއި ހިފެހެއްޓުމުގެ އަމުރު ނެރުން

(ހ) ދިވެހިރާއްޖޭގައިވާ ބޭރު ގައުމުގެ ކުށްވެރިޔަކު ކޮށްފައިވާކަމަށް ބަޔާންކުރާ ކުށް ސާބިތުކުރުމަށް ނުވަތަ މި ގާނޫނުގެ 20 ވަނަ މާއްދާގެ ދަށުން ނެރޭ ހައްޔަރުކުރުމުގެ ވަގުތީ އަމުރެއްގައި ބަޔާންކޮށްފައިވާ ކުށް ސާބިތުކުރުމަށް މުހިންމު ހެއްކަކަށް ވެދާނެ އެއްޗެއް ނުވަތަ އެފަދަ ކުށެއް ކޮށްގެން ހޯދާފައިވާ އެއްޗެއް، ވަކި ތަނެއްގައި ހުރިކަމަށް ބެލުމުގައި އެކަށީގެންވާ ހެކި ލިބިފައިވާކަމަށް ބަޔާންކޮށް، ކޯޓަށް ލިޔުމެއް ހުށަހެޅިއްޖެނަމަ، އަދި އެ ލިޔުމުގައި އެފަދައިން ގަބޫލުކުރެވޭ ސަބަބުތައް ބަޔާންކޮށްފައިވާނަމަ، އެ އެއްޗެއް ހިފެހެއްޓުމަށްޓަކައި އެ އެއްޗެއް ހުރި ކަމަށް ބެލެވޭ ތަނަކަށް ވަނުމުގެ ބާރު އަދި އެތަނުގައި އެ އެއްޗެއްވާނަމަ އެ އެއްޗެއް ހިފެހެއްޓުމުގެ ބާރު، އަދި އެ އެއްޗެއް ހޯދުމަށްޓަކައި އެތަނެއް ބަލައި ފާސްކުރުމުގެ ބާރު ފުލުހުންގެ އޮފިސަރަކަށް ދިނުމަށްޓަކައި ކޯޓު އަމުރެއް ނެރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ ލިޔުމެއްގައި އެފަދަ އަމުރަކަށް އެދޭ ސަބަބު ކަމަށް ބަޔާންކޮށްފައިވާ ކަންކަމާ ގުޅިގެން ފަނޑިޔާރު ސާފުކުރަންޖެހޭ އިތުރު ކަމެއްވާނަމަ، އެކަމެއް ސާފުކުރުމަށްފަހުގައި މެނުވީ، އަދި އެ އަމުރު ނެރުމަށް އެކަށީގެންވާ ސަބަބު ހުރި ކަމަށް ފަނޑިޔާރަށް ގަބޫލުކުރެވޭ ހާލަތެއްގައި މެނުވީ، އެފަދަ އަމުރެއް ނެރެގެން ނުވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ނެރޭ އަމުރެއްގައި، އަންނަނިވި ކަންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 1. އަމުރު ނެރެވޭ ބޭނުން؛
 2. މި ގާނޫނުގެ ދަށުން ބޭރު ގައުމަކަށް އެކްސްޓްރަޑައިޓްކުރުމަށް އެދިފައިވާ ކުށްވެރިޔަކު ކޮށްފައިވާކަމަށް ބަޔާންކުރާ ކުށް ނުވަތަ މި ގާނޫނުގެ 20 ވަނަ މާއްދާގެ ދަށުން ނެރޭ ހައްޔަރުކުރުމުގެ ވަގުތީ އަމުރެއްގައި ބަޔާންކުރާ ކުށުގެ ބާވަތް؛
 3. އެ އަމުރުން ބާރު ދޭ ކަންކަން ކުރުމަށްޓަކައި އެކަށީގެންވާ މިންވަރަކަށް ބާރުގެ ބޭނުންކުރުމަށް ހުއްދަކުރާނަމަ، އެކަން؛
 4. އެ އަމުރުން ވަނުމަށް ހުއްދަ ދޭ ތަނަކަށް ދުވާލުގެ ނުވަތަ ރޭގަނޑުގެ ކޮންމެ ވަގުތެއްގައިވެސް ވަނުމަށް ހުއްދަދޭނަމަ އެކަން ނުވަތަ އެފަދަ ތަނަކަށް ވަދެވޭނީ ދުވާލުގެ ނުވަތަ ރޭގަނޑުގެ ކަނޑައެޅިފައިވާ ވަކި ވަގުތުތަކެއްގައި ކަމަށްވާނަމަ އެކަން؛
 5. އަމުރުގެ ދަށުން ހިފެހެއްޓޭނެ ވަކި ބާވަތްތަކެއްގެ އެއްޗެހި؛
 6. އަމުރު ދެމިއޮންނާނެ މުއްދަތު.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ނެރޭ އަމުރެއްގެ މުއްދަތު، 1 (އެކެއް) މަސްދުވަހަށްވުރެ ދިގުވެގެން ނުވާނެއެވެ.

(ބ) މި މާއްދާގެ ދަށުން ނެރޭ އަމުރަކާ އެއްގޮތްވާ ގޮތުގެމަތިން ހޯދާ ހޯދުމެއްގައި،  އެ އަމުރުގައި ބަޔާންކުރާ އެއްޗެއް ނޫން އެހެން އެއްޗެއް ފެނިއްޖެ ހިނދެއްގައި،  އެ އެއްޗަކީ، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށަކާ ގުޅިފައިވާ އެއްޗެއް ކަމަށް ފުލުހުންގެ އޮފިސަރަށް ބެލެވޭނަމަ، އަދި އެ އެއްޗެއް ފޮރުވުމުގެ ފުރުސަތު ނުވަތަ ހަލާކުކޮށްލުމުގެ ފުރުސަތު އޮތްކަމަށް އެ އޮފިސަރަކަށް ބެލެވޭނަމަ، އެ އެއްޗެއް ހިފެހެއްޓުމުގެ ބާރު، އެ އަމުރުން ދޭ ކަމަށް، މި ގާނޫނުގެ ބޭނުމަށްޓަކައި ބެލޭނެއެވެ.

(ޅ) މި މާއްދާގެ ދަށުން ހިފަހައްޓާ އެއްޗަކާމެދު އަމަލުކުރަންވީ ވަކި ގޮތެއް ޕްރޮސިކިއުޓަރ ޖެނެރަލް އަންގަންދެން، އެ އެއްޗެއް ރައްކާތެރިކަންމަތީ ބެލެހެއްޓުމަކީ ފުލުހުންގެ ޒިންމާއެކެވެ.

(ކ)މި މާއްދާގެ ބޭނުމަށްޓަކައި:

 1. "ތަނެއް" ކަމަށް ބުނެފައިއެވަނީ، އާންމު ތަނެއް ނުވަތަ ދުއްވާ އެއްޗެއް ނުވަތަ އުޅަނދެއް ނުވަތަ ބޯޓެއް ނުވަތަ ދިވެހިރާއްޖޭގެ ކަނޑުގެ ވަކި ސަރަހައްދެއް ހިމެނޭ ގޮތުންނެވެ.
 2. "އެއްޗެއް" ކަމަށް ބުނެފައިއެވަނީ، ދުއްވާ އެއްޗެއް ނުވަތަ އުޅަނދެއް ނުވަތަ ބޯޓެއް ހިމެނޭ ގޮތުންނެވެ.

40 ވަނަ މާއްދާ - ހިފެހެއްޓޭ މުދާ ކަމާބެހޭ ގައުމާ ހަވާލުކުރުން

(ހ) މި ގާނޫނުގެ 39 ވަނަ މައްދާގެ ދަށުން ނެރޭ އަމުރެއްގައިވާ ގޮތުގެމަތިން ހިފެހެއްޓިފައިވާ އެއްޗަކީ، މި ގާނޫނުގެ ދަށުން ކުށްވެރިޔަކު ބޭރު ގައުމަކަށް އެކްސްޓްރަޑައިޓްކުރުމަށް އެދިފައިވާ ކުށް ސާބިތުކުރުމުގައި ބޭނުންކުރެވިދާނެ ހެއްކަކަށް ވެދާނެ އެއްޗެއް ނުވަތަ އެފަދަ ކުށެއް ކޮށްގެން ހޯދާފައިވާ އެއްޗެއް ކަމުގައިވާނަމަ، އަދި މި ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ކުށްވެރިޔަކު ދިވެހިރާއްޖެއިން އެކްސްޓްރަޑައިޓްކުރުމުގެ އަމުރެއް ނެރެފައިވަނީ ނުވަތަ މި ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުން ވަގުތީގޮތުން ކުށްވެރިޔަކު ދިވެހިރާއްޖެއިން ގެންދިޔުމުގެ އަމުރެއް ނެރެފައިވަނީ އެ ކުށްވެރިޔާ އެކްސްޓްރަޑައިޓްކުރުމާމެދު ގޮތެއް ނިންމުމަށް މި ގާނޫނުގެ ދަށުން ބާއްވާ ށަރީއަތް ނިމުމަށްފަހުގައި ކަމަށްވާނަމަ، އެ އެއްޗެއް އޭނާ އެކްސްޓްރަޑައިޓްކުރުމަށް އެދިފައިވާ ގައުމާ ހަވާލުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް އެންގިދާނެއެވެ.

(ށ) ކުށްވެރިޔާ އެކްސްޓްރަޑައިޓްކުރުމާމެދު ގޮތެއް ނިންމުމަށް މި ގާނޫނުގެ ދަށުން ބާއްވާ ށަރީއަތް ބާއްވާ ނިމުނުއިރުވެސް، މި ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ކުށްވެރިޔަކު ދިވެހިރާއްޖެއިން އެކްސްޓްރަޑައިޓްކުރުމުގެ އަމުރެއް ނެރެފައި ނުވާނަމަ، ކުށްވެރިޔާ އެކްސްޓްރަޑައިޓްކުރަން އެދޭ ގައުމުގެ އަދުލު އިންސާފުގެ ހަމަތަކަށް ބަލާއިރު އެންމެ އިންސާފުވެރި ގޮތަކީ، މި މާއްދާގެ (ހ) ގައި ބަޔާންކުރާ އެއްޗެއް،
އެ ގައުމަށް ފޮނުވުން ކަމުގައި ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިއްޖެ ހިނދެއްގައި މެނުވީ، އެ އެއްޗެއް، އެ އެއްޗެއް އަތުލެވުނު މީހާއާ އަނބުރާ ހަވާލުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) އެހެން އޮތް ނަމަވެސް، މި ގާނޫނުގެ 39 ވަނަ މައްދާގެ ދަށުން ނެރޭ އަމުރެއްގައިވާ ގޮތުގެމަތިން ހިފެހެއްޓޭ މުދަލަކީ، ތިންވަނަ ފަރާތެއްގެ މަސްލަހަތު އެކުލެވޭ މުދަލެއް ކަމުގައިވާނަމަ، އެ މުދާ އެ ގައުމަކަށް ގެންދިޔުމުގެ ހުއްދަ ދޭންވާނީ، އެ ގައުމުގައި ހިންގާ ޖިނާއީ ށަރީއަތް ނިމުމާއެކު
އެ ގައުމުގެ ހަރަދުގައި އެ މުދާ އަނބުރާ ދިވެހިރާއްޖެއަށް ފޮނުވައިދޭނެކަމުގެ ޔަގީންކަން އެ ގައުމަކުން ދީފައިވާނަމައެވެ.

(ރ) މި ގާނޫނުގެ 39 ވަނަ މައްދާގެ ދަށުން ނެރޭ އަމުރެއްގައިވާ ގޮތުގެމަތިން ހިފެހެއްޓިފައިވާ މުދަލެއް، ކުށްވެރިޔާ އެކްސްޓްރަޑައިޓްކުރަން އެދޭ ގައުމާ،
މި މާއްދާގެ (ހ) ގެ ދަށުން ހަވާލުކޮށްފައި ނުވާނަމަ، އެ މުދަލެއް ދައުލަތަށް ނަގަންވާނެއެވެ. އަދި އެ މުދަލަކާމެދު އަމަލުކުރެވޭނީ، ދައުލަތަށް މުދާ ނެގުމާ ބެހޭގޮތުން އަމަލުކުރެވޭ ކަމާބެހޭ ގާނޫނުގައިވާ ގޮތުގެމަތިންނެވެ.

 

41 ވަނަ މާއްދާ - ބަންދުގައިވާ މީހާ ފިލުން

(ހ) މި ގާނޫނުގެ ދަށުން ބަންދުކޮށްފައިވާ ކުށްވެރިޔަކު ފިލައިފިކަމަށް ބެލުމުގައި އެކަށީގެންވާ ހެކި ލިބިފައިވާނަމަ، ކޯޓު އަމުރަކާ ނުލައި، އޭނާ ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހައްޔަރުކުރެވޭ ކުށްވެރިޔާ ފިލާފައިވަނީ، ސައްހަ ބަންދެއްގައި ހުއްޓާތޯ ކޯޓުން ކަނޑައެޅުމަށްޓަކައި، ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި، އަދި ލަސްވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި، އޭނާ ކޯޓަށް ހާޒިރުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ކޯޓަށް ހާޒިރުކުރެވޭ މީހާ ފިލާފައިވަނީ، ސައްހަ ބަންދެއްގައި ހުއްޓާކަމަށް ކޯޓަށް ސާބިތުވެއްޖެނަމަ، އޭނާ އަލުން ބަންދުކުރުމަށް ކޯޓުން އަމުރުކުރަންވާނެއެވެ.

 

42 ވަނަ މާއްދާ - ކަފާލާތުގެ ދަށުން ދޫކޮށްފައިވާ މީހަކު ހައްޔަރުކުރުން

(ހ)މި ގާނޫނުގެ ދަށުން ކަފާލާތުގެ ދަށުން ދޫކޮށްފައިވާ ކުށްވެރިޔަކު، އޭނާ ދޫކުރި ށަރުތަކާ ހިލާފުވެއްޖެ ކަމަށް ނުވަތަ ހިލާފުވެދާނެކަމަށް ބެލުމުގައި އެކަށީގެންވާ ހެކި ލިބިފައިވާނަމަ، ކޯޓު އަމުރަކާ ނުލައި، އޭނާ ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހައްޔަރުކުރެވޭ މީހަކު، ބަންދުގައި ބެހެއްޓުމާމެދު ގޮތެއް ނިންމުމަށްޓަކައި ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި، އަދި ލަސްވެގެން
24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި، ކޯޓަށް ހާޒިރުކުރަންވާނެއެވެ.

 

43 ވަނަ މާއްދާ - ޓްރާންޒިޓްކުރުން

(ހ) ބޭރު ގައުމެއްގެ ކުށްވެރިޔަކު ތިންވަނަ ގައުމަކަށް އެކްސްޓްރަޑައިޓްކުރުމަށްޓަކައި ދަތުރުކުރާއިރު އެ ދަތުރުމަތީގައި ދިވެހިރާއްޖޭގައި ޓްރާންޒިޓްކުރުމަށް އޭނާ ގެންދެވޭ ގައުމުން އެދޭނަމަ، އަދި އަންނަނިވި ށަރުތުތައް އެފަދަ ހުށަހެޅުމަކާ ގުޅޭގޮތުން ފުރިހަމަވާނަމަ، އެ ގައުމުގެ ކަމާބެހޭ މީހެއްގެ ހަވާލުގައި ދިވެހިރާއްޖޭގައި އެ ކުށްވެރިޔާ ޓްރާންޒިޓްކުރުމުގެ ހުއްދައެއް ޕްރޮސިކިއުޓަރ ޖެނެރަލަށް ދެވިދާނެއެވެ.

 1. ކުށްވެރިޔާ ދިވެހިރާއްޖެ ގެނައުމުގެ ކުރިން، ޓްރާންޒިޓްކުރުމުގެ ހުއްދައަށް ކުށްވެރިޔާ ގެންދެވޭ ގައުމުން އެދިފައިވުން؛ އަދި
 2. ޓްރާންޒިޓްކުރުމުގެ ހުއްދައަށް އެދޭ ގައުމަކީ، މި ގާނޫނުގެ ދަށުން ކުށްވެރިން ގެންދެވޭނެ ކަމަށް ކަނޑައަޅާފައިވާ ގައުމަކަށްވުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުށްވެރިޔަކު ދިވެހިރާއްޖޭގައި ޓްރާންޒިޓްކުރުމުގެ ހުއްދަ ޕްރޮސިކިއުޓަރ ޖެނެރަލް ދީފިނަމަ، ޓްރާންޒިޓްކުރެވޭ ކުށްވެރިޔާއާ ހަވާލުވެހުރި އެ ގައުމުގެ ކަމާބެހޭ އޮފިސަރަށް، ދިވެހިރާއްޖޭގެ ފުލުހުންގެ އެހީތެރިކަން ފޯރުކޮށްދެވިދާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ހުއްދަ ލިބިގެން ދިވެހިރާއްޖޭގައި ޓްރާންޒިޓްކުރާ ކުށްވެރިޔާ ދަތުރުކުރާ އުޅަނދު ދިވެހިރާއްޖޭގައި ޖެއްސީއްސުރެ ނުވަތަ ބަނދަރުކުރީއްސުރެ ދިވެހިރާއްޖެއިން ފުރަންދެން، ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ގޮތެއްގެމަތިން ކުށްވެރިޔާ ހައްޔަރުގައި ބަހައްޓަން ޕްރޮސިކިއުޓަރ ޖެނެރަލް އަންގަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން 24 (ސައުވީސް) ގަޑިއިރަށްވުރެ ގިނައިރު ކުށްވެރިޔަކު ބަންދުގައި ބެހެއްޓޭނީ، އޭނާ ބަންދުގައި ބެހެއްޓުމަށްޓަކައި އަމުރެއް ނެރެދިނުމަށް އެދި ކޯޓަށް ހާޒިރުކޮށް، އެފަދަ އަމުރެއް ކޯޓުން ނެރެދިނުމުން، އެ އަމުރާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 
ތިންވަނަ ބައި

ބޭރު ގައުމުތަކުގައިވާ ކުށްވެރިން ދިވެހިރާއްޖެއަށް އެކްސްޓްރަޑައިޓްކުރުން

ދިހަވަނަ ބާބު

ބޭރު ގައުމުތަކުގައިވާ ކުށްވެރިން ދިވެހިރާއްޖެއަށް އެކްސްޓްރަޑައިޓްކުރުމަށް އެދުން

 

44 ވަނަ މާއްދާ - ބޭރު ގައުމުގައިވާ ކުށްވެރިން ދިވެހިރާއްޖެއަށް އެކްސްޓްރަޑައިޓްކުރުން

(ހ) ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން ކުށެއް ކޮށްފައިވާ ކުށްވެރިޔަކު، ބޭރު ގައުމެއްގައި ވާކަމަށް ބެލެވޭނަމަ، އަންނަނިވި ބޭނުންތަކަށްޓަކައި އޭނާ ދިވެހިރާއްޖެއަށް އެކްސްޓްރަޑައިޓްކުރުމަށް އެދި އެ ގައުމެއްގެ ކަމާބެހޭ ފަރާތުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒަށް އެދެވިދާނެއެވެ.

 1. އެމީހަކު ކޮށްފައިވާކަމަށް ދައުވާ އުފުލިފައިވާ ކުށާ ގުޅިގެން ށަރީއަތް ހިންގުމަށްޓަކައި؛ ނުވަތަ
 2. އެމީހަކީ އެމީހަކު ކޮށްފައިވާ ކުށް ސާބިތުވެ، ހުކުމްކޮށް، އަދަބު ކަނޑައެޅިފައިނުވާ މީހެއް ކަމުގައިވާނަމަ، އަދަބު ކަނޑައަޅައި، ހުކުމް ތަންފީޒުކުރުމަށްޓަކައި؛ ނުވަތަ
 3. އެމީހަކީ އެމީހަކު ކޮށްފައިވާ ކުށް ސާބިތުވެ، ހުކުމްކޮށް، އަދަބު ކަނޑައެޅިފައިވާ މީހެއް ކަމުގައިވާނަމަ، ހުކުމް ތަންފީޒުކުރުމަށްޓަކައި.

(ށ) ވަކި މީހަކީ ދިވެހިރާއްޖޭގައި ކުށެއް ކުރިކަމަށް ސާބިތުވެފައިވާ ނުވަތަ ކުށެއް ކުރިކަމުގެ ދައުވާ އުފުލިފައިވާ މީހެއްކަން މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި ނިންމާނީ ޕްރޮސިކިއުޓަރ ޖެނެރަލެވެ.

(ނ)މި މާއްދާގެ (ހ) ގެ ދަށުން ދިވެހިރާއްޖެއަށް އެކްސްޓްރަޑައިޓްކުރެވޭ ކުށްވެރިޔަކު، ދިވެހިރާއްޖެއަށް އެކްސްޓްރަޑައިޓްކުރެވޭ ކުށް ފިޔަވައި އިތުރު ކުށެއް އޭނާ ދިވެހިރާއްޖެ ގެނައުމުގެ ކުރިން ކޮށްފައިވާނަމަ، އަންނަނިވި ހާލަތްތަކުގައި މެނުވީ، އެފަދަ ކުށަކާ ގުޅިގެން އޭނާ ނުހިފަހައްޓާނެކަން ނުވަތަ ހައްޔަރުނުކުރާނެކަން ނުވަތަ އޭނާގެ މައްޗަށް ދައުވާ ނުކުރާނެކަން ނުވަތަ އޭނާ ތިންވަނަ ގައުމަކަށް ނުގެންދާނެކަން މި ގާނޫނުން ކަށަވަރުކޮށްދެއެވެ.

 1. އެ ކުށަކީ، އޭނާ ދިވެހިރާއްޖެ ގެނެވުނު ކުށުގެ އަމަލުން ސާބިތުވާ، ނަމަވެސް އެ ކުށަށްވުރެ ކުޑަ ކުށެއް ނުވަތަ އެ ކުށާ އެއްވަރުގެ އަދަބެއް ނުވަތަ އެއަށްވުރެ ކުޑަ އަދަބެއް ކަނޑައެޅިފައިވާ ކުށެއް ކަމުގައިވުން؛
 2. އެ ކުށަކީ، އޭނާ ގެނެވޭ ގައުމުން، އޭނާގެ މައްޗަށް ދިވެހިރާއްޖޭގައި ދައުވާކުރުމަށް ހުއްދަ ދީފައިވާ އެހެން ކުށެއް ކަމުގައިވުން؛
 3. އޭނާ ތިންވަނަ ގައުމަކަށް އެކްސްޓްރަޑައިޓްކުރުމުގެ ހުއްދަ އޭނާ ގެނެވުނު ގައުމުން ދީފައިވުން.

(ރ) މި ބާބުގެ ދަށުން ދިވެހިރާއްޖެއަށް އެކްސްޓްރަޑައިޓްކުރެވޭ ކުށްވެރިއެއްގެ މައްޗަށް
މި މާއްދާގެ (ނ) އާ ހިލާފަށް ދިވެހިރާއްޖޭގައި ދައުވާ އުފުލައިފިނަމަ، އެއީ ބާތިލު ނިންމުމެއް ކަމުގައި މި ގާނޫނުގެ ބޭނުމަށްޓަކައި ބެލޭނެއެވެ.

(ބ) މި މާއްދާގެ (ނ) އިން ލިބިދޭ ރައްކާތެރިކަން، ކުށްވެރިޔާ ދިވެހިރާއްޖެ ދޫކޮށް ދިޔުމަށްފަހު، ނުވަތަ ދިވެހިރާއްޖެއިން ދިޔުމުގެ ފުރުސަތު މި ގާނޫނުގެ ދަށުން އޭނާއަށް ލިބިފައިވަނިކޮށް ދިވެހިރާއްޖޭގައި މަޑުކޮށްފި ހާލަތެއްގައި ލިބިގެނެއްނުވެއެވެ.

 

45 ވަނަ މާއްދާ - ވަގުތީ ގޮތުން ދިވެހިރާއްޖެ ގެނެވޭ މީހުން

(ހ) މި ގާނޫނުގެ ދަށުން ދިވެހިރާއްޖެއަށް އެކްސްޓްރަޑައިޓްކުރެވޭ ކުށްވެރިޔަކީ، އޭނާ ދިވެހިރާއްޖެ ގެންނަން އެދުނުއިރު އޭނާ ހުރި ގައުމުގައި ހުކުމް ތަންފީޒުކުރަމުންދާ މީހަކަށްވެފައި، އޭނާ ދިވެހިރާއްޖެ ގެނެވޭއިރު އޭނާ ތަންފީޒުކުރަމުންދިޔަ ހުކުމް ނިމުމަކަށް އައިސްފައި ނުވާނަމަ، އަދި އޭނާ ދިވެހިރާއްޖެ ގެނެސްފައިވަނީ އޭނާގެ ށަރީއަތް ދިވެހިރާއްޖޭގައި ހިންގުމަށްފަހު އޭނާ ގެނެވުނު ގައުމުގައި އޭނާ ތަންފީޒުކުރަންޖެހޭ ހުކުމް ތަންފީޒުކުރުމަށްޓަކައި އެ ގައުމަށް އޭނާ އަނބުރާ ފޮނުވުމަށް ކަމުގައިވާނަމަ، އޭނާ ދިވެހިރާއްޖޭގައި ހުންނަ މުއްދަތުގައި އޭނާ ބަންދުގައި ބެހެއްޓުމަށްޓަކައި ކޯޓު އަމުރެއް ނެރެދިނުމަށް އެދި، އޭނާ ދިވެހިރާއްޖެ ގެނައުމުގެ ކުރިން ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ ދަށުން ދިވެހިރާއްޖެ ގެނެވޭ މީހަކު ދިވެހިރާއްޖެ ގެނެވުނު ކުށާ ގުޅިގެން މެނުވީ އޭނާގެ މައްޗަށް ދައުވާ އުފުލައިގެން ނުވާނެއެވެ.

(ނ) މި މާއްދާގެ ދަށުން ދިވެހިރާއްޖެ ގެނެވޭ މީހެއްގެ ށަރީއަތް ނިމުމުން، އޭނާ ގެނެވުނު ގައުމަށް އަނބުރާ ފޮނުވަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ނެރޭ ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރުކޮށްފައި ވަނިކޮށް، އޭނާ ގެނެވުނު ގައުމުން އޭނާ އަނބުރާ ގެންދަން ބޭނުންނުވާކަމަށް އަންގައިފިނަމަ، އޭނާ ބަންދުން ދޫކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އަންގަންވާނެއެވެ.

(ބ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި މާއްދާގެ ދަށުން ވަގުތީގޮތުން ދިވެހިރާއްޖެ ގެނެވޭ ކުށްވެރިއެއްގެ ށަރީއަތް ދިވެހިރާއްޖޭގައި ބޭއްވުމަށްފަހު އޭނާގެ މައްޗަށް ކުށް ސާބިތުވެ، އަދަބު ކަނޑައަޅައިފިނަމަ، އޭނާއަށް ކަނޑައެޅުނު އަދަބު ތަންފީޒުކުރާނީ، ދިވެހިރާއްޖޭގައި ބޭއްވި އޭނާގެ ށަރީއަތް ނިމުމަށްފަހު އޭނާ ހުރި ގައުމަށް އޭނާ ގެންގޮސް، އެ ގައުމުގައި އޭނާ ތަންފީޒުކުރަމުންދިޔަ ހުކުމް ތަންފީޒުކޮށް ނިމުމަށްފަހު އޭނާ ދިވެހިރާއްޖެ ގެނައުމުންނެވެ.

 

46 ވަނަ މާއްދާ - އެކްސްޓްރަޑައިޓްކުރުމުގެ ބަދަލުގައި ދައުވާކުރަން ނިންމުން

މި ގާނޫނުގެ 45 ވަނަ މާއްދާގެ ދަށުން ބޭރު ގައުމެއްގައިވާ ކުށްވެރިޔަކު ދިވެހިރާއްޖެއަށް އެކްސްޓްރަޑައިޓްކުރުމަށް އެދުމުން، އެ ކުށްވެރިޔާ ދިވެހިރާއްޖެއަށް އެކްސްޓްރަޑައިޓްކުރުމުގެ ބަދަލުގައި އޭނާ އެކްސްޓްރަޑައިޓްކުރަން ބޭނުންވި ކުށަށް އެ ގައުމުގައި އޭނާގެ މައްޗަށް ދައުވާކޮށްދޭނެކަމުގެ ޔަގީންކަން އެ ގައުމަކުން ދީފިނަމަ، އޭނާގެ މައްޗަށް ދައުވާކުރުމަށްޓަކައި
އެ މައްސަލައިގައި ލިބެންހުރި ހެކި ފޯރުކޮށްދީ، އެނޫންވެސް ގޮތަކުން އެހީތެރިކަން ފޯރުކޮށްދެވެން އޮތްނަމަ، އެފަދަ އެހީތެރިކަން ޕްރޮސިކިއުޓަރ ޖެނެރަލް ފޯރުކޮށްދޭންވާނެއެވެ.

 

ހަތަރުވަނަ ބައި

އެހެނިހެން

އެގާރަވަނަ ބާބު

އާންމު މާއްދާތައް

47 ވަނަ މާއްދާ - ބައިނަލްއަގްވާމީ މުއާހަދާ

މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ކުށްވެރިން އެކްސްޓްރަޑައިޓްކުރުމާ ގުޅޭގޮތުން ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާއެއްގައި ބަޔާންކުރާ ކަންކަން ހަންޏެއް ނުކުރެއެވެ.

 

48 ވަނަ މާއްދާ - ސައްހަ ލިޔުން

މި ގާނޫނުގެ ދަށުން ހެކީގެ ގޮތުގައި ހުށަހެޅޭ ބޭރު ގައުމުތަކުގެ ލިޔުމަކީ ސައްހަ ލިޔުމެއް ކަމުގައި ބެލޭނީ، އެ ލިޔުމަކީ އެ ގައުމެއްގެ ކަމާގުޅޭ ބަޔާން ނެގި ކޯޓުގެ ގާޒީ ސޮއިކޮށްފައިވާ، އަދި އެ ގައުމެއްގެ ދައުލަތުގެ ނިށާނެއް ނުވަތަ އަދުލު އިންސާފު ގާއިމުކުރުމުގެ އިދާރާއެއްގެ ތައްގަނޑެއް ޖަހާފައިވާ ލިޔުމަކަށް ވާނަމައެވެ.

 

49 ވަނަ މާއްދާ - ކުށްވެރިން ބަންދުކުރާ ތަން

މި ގާނޫނުގެ ދަށުން ކުށްވެރިޔަކު ބަންދުކުރަން ކޯޓުން އަމުރުކޮށްފިނަމަ، ނުވަތަ ޓްރާންޒިޓްގައިވާ ކުށްވެރިޔަކު ބަންދުގައި ބެހެއްޓުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އަމުރުކޮށްފިނަމަ، ނުވަތަ ފިލައިގެންއުޅޭ ކުށްވެރިޔަކު މި ގާނޫނުގައިވާ ގޮތުގެމަތިން ހައްޔަރުކޮށްފިނަމަ، އެފަދަ ކުށްވެރިން ބަންދުގައި ބައިތިއްބަންވާނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

 

50 ވަނަ މާއްދާ - އެކްސްޓްރަޑިށަނާބެހޭ ށަރީއަތުގެ ހަރަދު

(ހ) ދިވެހިރާއްޖެ ބައިވެރިވެފައިވާ އެކްސްޓްރަޑިށަނާގުޅޭ މުއާހަދާތަކަށް ހަނިކަމެއް ނާންނާނެ ގޮތުގެމަތިން، އަންނަނިވި ކަންކަމާގުޅޭ ހަރަދުތައް އުފުލާނީ، ދިވެހިރާއްޖެއިންނެވެ.

 1. ކުށްވެރިޔަކު އެކްސްޓްރަޑައިޓްކުރުމަށް އެދި ބޭރު ގައުމަކުން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން ރާއްޖޭގައި ހިންގޭ އެކްސްޓްރަޑިށަންގެ ށަރީއަތްތަކާގުޅޭ ހަރަދުތައް؛ އަދި
 2. ދިވެހިރާއްޖޭގެ ސަރަހައްދުގައިވާ މީހުން ހައްޔަރުކުރުމާއި ބަންދުކުރުމާ ގުޅޭގޮތުން ހިނގާ ހަރަދު؛ އަދި
 3. ދިވެހިރާއްޖޭގައިވާ މުދަލެއް ހިފެހެއްޓުމާ ގުޅޭގޮތުން ހިނގާ ހަރަދު.

(ށ) ކުށްވެރިޔަކު އެކްސްޓްރަޑައިޓްކުރުމަށް އެދި ހުށަހަޅާ ގައުމުން އުފުލާނީ، ލިޔެކިޔުން ތަރުޖަމާކުރުމުގެ ހަރަދާއި، ކުށްވެރިޔާ ދިވެހިރާއްޖެއިން އެ ގައުމަށް އެކްސްޓްރަޑައިޓްކުރުމަށް ހިނގާ ހަރަދެވެ. އޭގެ ތެރޭގައި ޓްރާންޒިޓްކުރުމުގައި ހިނގާ ހަރަދުވެސް ހިމެނޭނެއެވެ.

(ނ) ބޭރު ގައުމެއްގެ ކުށްވެރިޔަކު ތިންވަނަ ގައުމަކަށް އެކްސްޓްރަޑައިޓްކުރުމުގައި ދިވެހިރާއްޖޭގައި ޓްރާންޒިޓްކުރުމަށް ހުށަހަޅާނަމަ، ކުށްވެރިޔާ ދިވެހިރާއްޖޭގައި ހުންނަ ހުރުމާ ގުޅޭގޮތުން ހިނގާ ހަރަދަށް ޒިންމާވާނީ، ޓްރާންޒިޓްކުރުމުގެ ހުއްދައަށް އެދޭ ގައުމުންނެވެ.

 

51 ވަނަ މާއްދާ - ކުށްވެރިޔަކު ދިވެހިރާއްޖެއަށް އެކްސްޓްރަޑައިޓްކުރުމަށްޓަކައި ބޭނުންވާ ހެކި ހޯދުން

(ހ) މި ގާނޫނުގެ ދަށުން ބޭރު ގައުމެއްގައިވާ ކުށްވެރިޔަކު ދިވެހިރާއްޖެއަށް އެކްސްޓްރަޑައިޓްކުރުމަށްޓަކައި ބޭނުންވާ ހެކީންގެ ހެކިބަސް ހޯދުމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ހުއްދަދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހެކި ހޯދުމަށް ހުއްދަކޮށްފިނަމަ، ހެކިބަސް ހޯދުމުގައި ކޯޓުން އަމަލުކުރަންވާނީ އަންނަނިވި ގޮތުގެމަތިންނެވެ.

 1. ހެކިބަސް ދޭ މީހުން ހުވައި ކުރުވުމަށްފަހު އެމީހުންގެ ހެކިބަސް ނެގުން؛
 2. ހެކިން ދޭ ހެކިބަސް ލިޔުމުން ރެކޯޑުކޮށް، އެ ބަޔާން ނެގީ ކޮން ފަނޑިޔާރެއްކަން ބަޔާންކޮށް ސޮއިކުރުމަށްފަހު ޕްރޮސިކިއުޓަރ ޖެނެރަލަށް ފޮނުވުން.

52 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން

(ހ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދާނީ ޕްރޮސިކިއުޓަރ ޖެނެރަލެވެ.

(ށ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

53 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

54 ވަނަ މާއްދާ - މާނަކުރުން

މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އަންނަނިވި ލަފްޒުތަކާއި އިބާރާތްތަކަށް ދީފައިވަނީ، އެ ލަފްޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ހުށަހެޅުމައިގެން ކުރިއަށްދިޔުމުގެ ހުއްދަ" ނުވަތަ "ކުރިއަށްދިޔުމުގެ ހުއްދަ" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގައިވާ ބޭރު ގައުމެއްގެ ކުށްވެރިޔަކު އެ ގައުމަށް އެކްސްޓްރަޑައިޓްކުރުމަށް އެދި މި ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން އެ ގައުމަކުން ހުށަހަޅާ ހުށަހެޅުމައިގެން ކުރިއަށްދިޔުމަށް މި ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް ދޭ ހުއްދައަށެވެ.

(ށ) "ހައްޔަރުކުރުމުގެ އަމުރު" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ކުށްވެރިޔަކު ހައްޔަރުކުރުމަށް ހައިކޯޓުން ނެރޭ އަމުރަށެވެ.

(ނ) "ހައްޔަރުކުރުމުގެ ވަގުތީ އަމުރު" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ 20 ވަނަ މާއްދާގެ ދަށުން ކުށްވެރިޔަކު ވަގުތީގޮތުން ހައްޔަރުކުރުމަށް ހައިކޯޓުން ނެރޭ އަމުރަށެވެ.

(ރ) "ހައިކޯޓު" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގެ ހައިކޯޓަށެވެ.

(ބ) "ހާއްސަ ކޯޓެއް" ނުވަތަ "ޓްރައިބިއުނަލެއް" ކަމަށް ބުނެފައިއެވަނީ، ބޭރު ގައުމެއްގައި ވަކި މުއްދަތަކަށް، ވަކި ބޭނުމަކަށްޓަކައި އުފައްދާފައިވާ ވަގުތީ ކޯޓެއް ނުވަތަ ޓްރައިބިއުނަލަކަށެވެ.

(ޅ) "ބޭރު ގައުމެއް" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖެ ފިޔަވައި އެހެން ކޮންމެ ގައުމަކަށެވެ. މި މާނަކުރުމުގެ ތެރޭގައި އެ ގައުމެއްގެ އެންމެހައި ސަރަހައްދުތަކާއި، އެ ގައުމެއްގެ ސިޔާސީ ބާރުގެ ދަށުގައިވާ އެންމެހައި ރަށްތައް ހިމެނެއެވެ.

(ކ) "ކޯޓު" ކަމަށް ބުނެފައިއެވަނީ، ށަރީއަތުގެ ފުރަތަމަ މަރުހަލާގައިނަމަ ހައިކޯޓަށެވެ. އިސްތިއުނާފުގެ މަރުހަލާގައިނަމަ، ސުޕްރީމް ކޯޓަށެވެ.

(އ) "އަސްކަރީ ގާނޫނު" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 2008-01 (ސިފައިންގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި އެނޫނަސް ދިވެހިރާއްޖޭގެ އަސްކަރިއްޔާއާ ގުޅޭގޮތުން ހަދާ އެންމެހައި ގާނޫނުތަކާއި ގަވާއިދުތަކަށެވެ.

(ވ) "ވަގުތީގޮތުން ދިވެހިރާއްޖެއިން ގެންދިޔުމުގެ އަމުރު" ކަމަށް ބުނެފައިއެވަނީ، ކުށްވެރިޔަކު ވަގުތީގޮތުން ދިވެހިރާއްޖެއިން ގެންދިޔުމުގެ ހުއްދަ ދިނުމުގެ ގޮތުން މި ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް ނެރޭ އަމުރަށެވެ.

(މ) "މަޖިލިސް" ކަމަށް ބުނެފައިއެވަނީ، ރައްޔިތުންގެ މަޖިލީހަށެވެ.

(ފ) "ފަނޑިޔާރު" ކަމަށް ބުނެފައިއެވަނީ، އިސްތިއުނާފުގެ މަރުހަލާގައިނަމަ، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށެވެ. އެނޫން ހާލަތްތަކުގައި ހައިކޯޓުގެ ފަނޑިޔާރަކަށެވެ.

(ދ) "ފޮރިން މިނިސްޓަރު" ނުވަތަ "މިނިސްޓަރ އޮފް ފޮރިން އެފެއާޒް" ކަމަށް ބުނެފައިއެވަނީ، ހާރިޖީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.

(ތ) "ސިޔާސީ ކުށެއް" ކަމަށް ބުނެފައިއެވަނީ، އެ ކުށް ކުރި ހާލަތަށް ބަލާއިރު އެ ކުށް ކޮށްފައިވަނީ ސިޔާސީ ސަބަބަކަށްޓަކައި ކަމަށް ބެލެވޭ، އަންނަނިވި ކުށްތަކުގެ ތެރެއިން ކުށަކަށް ނުވާ ކުށްކުށެވެ.

 1. ގަސްދުގައި މީހަކު މެރުމުގެ ކުށް ނުވަތަ އެނޫންގޮތަކަށް މީހަކު މެރުމުގެ ކުށް؛
 2. މީހެއްގެ ހަށިގަނޑަށް ނުރައްކާތެރި ހާނީއްކައެއް ކުރުމުގެ ކުށް؛
 3. މީހަކު ވަގަށްނެގުމުގެ ކުށް ނުވަތަ ރަހީނުކުރުމުގެ ކުށް ނުވަތަ ބާރުގެ ބޭނުންކޮށްގެން ފައިސާ ނުވަތަ އެނޫންވެސް އެއްޗެއް ހޯދުމުގެ ކުށް؛
 4. މީހެއްގެ ފުރާނައަށް ނުރައްކާތެރިވެދާނެ ނުވަތަ މީހަކަށް ނުރައްކާތެރި ހާނީއްކައެއް ކުރިމަތިވެދާނެ ނުވަތަ މީހެއްގެ މުދަލަށް ގެއްލުމެއް ލިބިދާނެ ފަދަ ގޮތަކަށް ގޮވާ އެއްޗެއް ނުވަތަ އެނޫންވެސް އެފަދަ ހަތިޔާރެއް ބޭނުންކުރުން؛
 5. މި އަކުރުގެ (1) ވަނަ ނަންބަރުން ފެށިގެން (4) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ ކުށެއް ކުރަން އުޅުން ނުވަތަ ރޭވުން ނުވަތަ ހިތްވަރުދިނުން ނުވަތަ އެފަދަ ކުށެއް ކުރުމުގައި ނުވަތަ ކުރުމަށްފަހު އެހީތެރިވެދިނުން.

(ލ) "ސުޕްރީމް ކޯޓު" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށެވެ.

(ގ) "ޖިނާއީ ކުށެއް" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން ނުވަތަ ކުށްވެރިން އެކްސްޓްރަޑައިޓްކުރުމަށް މި ގާނޫނުގެ ދަށުން އެދޭ ބޭރު ގައުމުތަކުގެ ގާނޫނުގެ ދަށުން ޖިނާއީ ކުށް ކަމުގައި ހިމެނޭ ކުށްކުށަށެވެ.

(ޏ) "ގެޒެޓް" ކަމަށް ބުނެފައިއެވަނީ، ދިވެހިސަރުކާރުގެ ގެޒެޓަށެވެ.

(ސ) "ޓްރާންޒިޓްކުރުން" ކަމަށް ބުނެފައިއެވަނީ، ބޭރު ގައުމެއްގައިވާ ކުށްވެރިޔަކު އެހެން ގައުމަކަށް އެކްސްޓްރަޑައިޓްކުރުމަށްޓަކައި ދަތުރުކުރާއިރު ދިވެހިރާއްޖޭގެ މަގުން ދަތުރުކުރާ ހާލަތްތަކުގައި، މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި މަޑުކުރާ ކުރުމަށެވެ.

(ޑ) "ޕްރޮސިކިއުޓަރ ޖެނެރަލް" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ ގެ 220 ވަނަ މާއްދާގައި ބަޔާންކުރާ ފަރާތަށެވެ.

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު