ކުށްވެރިން ބަދަލުކުރުމުގެ ގާނޫނު
(ގާނޫނު ނަންބަރު 2014-38)
އެއްވަނަ ބާބު
އިބްތިދާއީ މާއްދާތައް
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ބޭރު ގައުމުތަކުގައި ކުށްކޮށް، ހުކުމް ތަންފީޒުކުރަމުންދާ ދިވެހިރައްޔިތުން، ދިވެހިރާއްޖޭގައި ހުކުމް ތަންފީޒުކޮށް ނިންމުމަށްޓަކައި ދިވެހިރާއްޖެއަށް ގެނައުމާބެހޭ އުސޫލުތަކާއި، ދިވެހިރާއްޖޭގައި ކުށްކޮށް، ހުކުމް ތަންފީޒުކުރަމުންދާ ބޭރު ގައުމުތަކުގެ ރައްޔިތުން، އެމީހުންގެ އަމިއްލަ ގައުމުގައި ހުކުމް ތަންފީޒުކޮށް ނިންމުމަށްޓަކައި އެ ގައުމުތަކަށް ބަދަލުކުރުމާބެހޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.
(ށ) މި ގާނޫނަށް ކިޔާނީ، "ކުށްވެރިން ބަދަލުކުރުމުގެ ގާނޫނު" އެވެ.
2 ވަނަ މާއްދާ – މަގްސަދު
މި ގާނޫނުގެ ބޭނުމަކީ، އަންނަނިވި މަގްސަދުތައް ހާސިލުކުރުމެވެ.
(ހ) ދިވެހިރާއްޖެއިން ބޭރުގައި ހުކުމް ތަންފީޒުކުރަމުންދާ ދިވެހި ކުށްވެރިން، ދިވެހި މުޖުތަމައަށް އެނބުރި އައުމަށް މަގުފަހިކޮށްދިނުމަށްޓަކައި އެމީހުން ދިވެހިރާއްޖެއަށް އަނބުރާ ގެނެވޭނެ މަގު ތަނަވަސްކޮށްދިނުން؛ އަދި
(ށ) ދިވެހިރާއްޖޭގައި ހުކުމް ތަންފީޒުކުރަމުންދާ ބޭރު ގައުމުތަކުގެ ކުށްވެރިން، އެމީހުންގެ މުޖުތަމައަށް އެނބުރި ދިޔުމަށް މަގުފަހިކޮށްދިނުމަށްޓަކައި އެމީހުންގެ ގައުމަށް އެމީހުން އަނބުރާ ފޮނުވޭނެ މަގު ތަނަވަސްކޮށްދިނުން.
3 ވަނަ މާއްދާ - މިނިސްޓަރުގެ ޒިންމާ
މި ގާނޫނު ތަންފީޒުކުރުމުގެ އިސް ޒިންމާ އުފުލާނީ، މިނިސްޓަރެވެ.
ދެވަނަ ބާބު
ކުށްވެރިން ބަދަލުކުރުމާގުޅޭ އާންމު މާއްދާތައް
4 ވަނަ މާއްދާ - ކުށްވެރިން ބަދަލުކުރުން
މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، "ކުށްވެރިން ބަދަލުކުރުން" ކަމަށް ބުނެފައި އެވަނީ، ބޭރު ގައުމެއްގައިވާ ދިވެހި ކުށްވެރިޔަކު، މި ގާނޫނުގައިވާ ގޮތުގެމަތިން ދިވެހިރާއްޖެއަށް ގެނައުމަށެވެ. ނުވަތަ ދިވެހިރާއްޖޭގައިވާ ބޭރު ގައުމެއްގެ ކުށްވެރިޔަކު، މި ގާނޫނުގައިވާ ގޮތުގެމަތިން އެ ގައުމަށް ގެންދިޔުމަށެވެ.
5 ވަނަ މާއްދާ - ދިވެހި ކުށްވެރިއެއް
މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، "ދިވެހި ކުށްވެރިއެއް" ކަމަށް ބުނެފައި އެވަނީ، ބޭރު ގައުމެއްގައި ކުށެއް ކޮށް، ޖަލުގައި ބަންދުކުރުމުގެ ނުވަތަ އެނޫންވެސް ގޮތަކަށް ބަންދުގައި ބެހެއްޓުމުގެ ހުކުމެއް އެ ގައުމުގައި ތަންފީޒުކުރަމުންދާ، ދިވެހިރައްޔިތަކަށެވެ.
6 ވަނަ މާއްދާ - ބޭރު ގައުމެއްގެ ކުށްވެރިއެއް
މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، "ބޭރު ގައުމެއްގެ ކުށްވެރިއެއް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ކުށެއް ކޮށް، ޖަލުގައި ބަންދުކުރުމުގެ ނުވަތަ އެނޫންވެސް ގޮތަކަށް ބަންދުގައި ބެހެއްޓުމުގެ ހުކުމެއް ދިވެހިރާއްޖޭގައި ތަންފީޒުކުރަމުންދާ، ބޭރު ގައުމެއްގެ ރައްޔިތަކަށެވެ.
7 ވަނަ މާއްދާ – ކުށްވެރިއެއް
މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، "ކުށްވެރިއެއް" ކަމަށް ބުނެފައި އެވަނީ، ބޭރު ގައުމެއްގައި ހުކުމް ތަންފީޒުކުރަމުންދާ ނުވަތަ މި ގާނޫނުގެ ދަށުން ދިވެހިރާއްޖެއަށް ގެނެވޭ ދިވެހި ކުށްވެރިންނާއި، ދިވެހިރާއްޖޭގައި ހުކުމް ތަންފީޒުކުރަމުންދާ ނުވަތަ މި ގާނޫނުގެ ދަށުން ބޭރު ގައުމަކަށް ގެންދެވޭ ބޭރު ގައުމެއްގެ ކުށްވެރިންނަށް ނިސްބަތްކޮށެވެ.
8 ވަނަ މާއްދާ - ދިވެހިރައްޔިތެއް
މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، "ދިވެހިރައްޔިތެއް" ކަމަށް ބުނެފައި އެވަނީ، ގާނޫނުއަސާސީ ގެ 9 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ދިވެހި ކޮންމެ ރައްޔިތަކަށެވެ.
9 ވަނަ މާއްދާ - ބޭރު ގައުމެއްގެ ރައްޔިތެއް
މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، "ބޭރު ގައުމެއްގެ ރައްޔިތެއް" ކަމަށް ބުނެފައި އެވަނީ، ބޭރު ގައުމެއްގެ ގާނޫނުގެ ދަށުން އެ ގައުމުގެ ރައްޔިތެއް ކަމަށް ބެލެވޭ މީހުންނާއި، ދިވެހިރާއްޖެއާއި ބޭރު ގައުމަކާ ދެމެދު ކުށްވެރިން ބަދަލުކުރުމާ ގުޅޭގޮތުން ވެވޭ އެއްބަސްވުމެއްގައި އެ ގައުމެއްގެ ރައްޔިތެއް ކަމުގައި ބަޔާންކުރާ ކޮންމެ މީހަކަށެވެ.
10 ވަނަ މާއްދާ – ކުށެއް
މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، "ކުށެއް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން އަދި ކުށްވެރިޔާ ބަދަލުކުރެވޭ ބޭރު ގައުމުގެ ގާނޫނުގެ ދަށުން ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅާފައިވާ ކުށަކަށެވެ.
11 ވަނަ މާއްދާ – ހުކުމް
މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، "ހުކުމް" ކަމަށް ބުނެފައި އެވަނީ، މީހެއްގެ މައްޗަށް ކުށެއް ސާބިތުވާކަން ކަނޑައަޅައި، އޭނާ ޖަލުގައި ބަންދުކުރުމަށް ނުވަތަ އެނޫންވެސް ގޮތަކަށް ބަންދުގައި ބެހެއްޓުމަށް ށަރުއީ ކޯޓަކުން ކޮށްފައިވާ، އެންމެ ފަހުގެ ހުކުމަށެވެ. އަދި މީހެއްގެ މައްޗަށް ށަރުއީ ކޯޓަކުން އަދަބު ކަނޑައަޅާފައިވަނީ، އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމް ކުރުމަށްފަހު، ފަހުގެ މަރުހަލާއެއްގައި ކަމުގައިވާނަމަ، އެ އަދަބު ހިމެނޭގޮތުންނެވެ. އެހެންނަމަވެސް، އެގޮތުން ކަނޑައަޅާ އަދަބަކީ، އޭނާ ޖަލުގައި ބަންދުކުރުމަށް ނުވަތަ އެނޫންވެސް ގޮތަކަށް ބަންދުގައި ބެހެއްޓުމަށް ކަނޑައަޅާފައިވާ އަދަބެއް ކަމުގައިވާންވާނެއެވެ.
12 ވަނަ މާއްދާ - އެންމެ ފަހުގެ ހުކުމް
މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، "އެންމެ ފަހުގެ ހުކުމް" ކަމަށް ބުނެފައި އެވަނީ، ށަރުއީ ކޯޓަކުން ކޮށްފައިވާ، އިސްތިއުނާފުކުރުމުގެ އިތުރު ފުރުސަތެއް ނެތް ހުކުމަށެވެ.
13 ވަނަ މާއްދާ - ތަންފީޒުކުރަމުންދާ ހުކުމް
މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، "ތަންފީޒުކުރަމުންދާ ހުކުމް" ކަމަށް ބުނެފައި އެވަނީ، މީހެއްގެ މައްޗަށް ކުށެއް ސާބިތުވާކަން ކަނޑައަޅައި، އޭނާގެ މައްޗަށް ށަރުއީ ކޯޓަކުން ކޮށްފައިވާ އެންމެ ފަހުގެ ހުކުމް ތަންފީޒުކުރަމުންދާ ދިޔުމަށެވެ. އަދި މީހެއްގެ މައްޗަށް ށަރުއީ ކޯޓަކުން އަދަބު ކަނޑައަޅާފައިވަނީ، އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމް ކުރުމަށްފަހު، ފަހުގެ މަރުހަލާއެއްގައި ކަމުގައިވާ ހާލަތުގައި، ފަހުން ކަނޑައެޅި އަދަބު ތަންފީޒުކުރަމުންދާ ދިޔުންވެސް ހިމެނޭގޮތުންނެވެ.
14 ވަނަ މާއްދާ - ބޭރު ގައުމު
މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، "ބޭރު ގައުމު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައިވާ ބޭރު ގައުމެއްގެ ކުށްވެރިން މި ގާނޫނުގެ ދަށުން ބަދަލުކޮށްދެވޭ ބޭރު ގައުމަށެވެ. ނުވަތަ އެ ގައުމެއްގައި ދިވެހި ކުށްވެރިންގެ މައްޗަށް ކުށް ސާބިތުކޮށް، ހުކުމް ކަނޑައަޅާފައިވާ ބޭރު ގައުމަށެވެ.
15 ވަނަ މާއްދާ - ކުށްވެރިން ބަދަލުކުރެވޭނެ ހާލަތްތައް
(ހ) އަންނަނިވި މައިގަނޑު ށަރުތުތައް ފުރިހަމަވާނަމަ، ބޭރު ގައުމެއްގައިވާ ދިވެހި ކުށްވެރިއެއް ދިވެހިރާއްޖެއަށް ގެނެވިދާނެއެވެ. އަދި ދިވެހިރާއްޖޭގައިވާ ބޭރު ގައުމެއްގެ ކުށްވެރިޔަކު، އެ ގައުމަށް ގެންދެވިދާނެއެވެ.
- ކުށްވެރިޔާ ކޮށްފައިވާ ކުށަކީ ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން އަދި ބޭރު ގައުމުގެ ގާނޫނުގެ ދަށުން ކުށެއް ކަމުގައިވުން؛ އަދި
- ކުށްވެރިޔާ ތަންފީޒުކުރަމުންދާ ހުކުމަކީ، އެންމެ ފަހުގެ ހުކުމެއް ކަމުގައިވުން؛ އަދި
- ކުށްވެރިޔާ ތަންފީޒުކުރަމުންދާ ހުކުމަކީ، ޖަލުގައި ބަންދުކުރުމަށް ނުވަތަ އެނޫންވެސް ގޮތަކަށް ބަންދުގައި ބެހެއްޓުމަށް ކޮށްފައިވާ ހުކުމެއް ކަމަށްވެފައި، އެ ހުކުމުގެ ބާކީ އޮތް މުއްދަތުގައި މަދުވެގެން 6 (ހައެއް) މަސްދުވަހުގެ މުއްދަތު، ނުވަތަ އެއަށްވުރެ ބޮޑު އަދަބެއް ތަންފީޒުކުރަން އޮތް ހުކުމެއް ކަމުގައިވުން؛ އަދި
- ކުށްވެރިޔާ ބަދަލުކުރުމަށް މި ގާނޫނުގެ ދަށުން ލިބެންޖެހޭ ރުހުން ލިބިފައިވުން؛ އަދި
- ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާއެއްގައި ނުވަތަ ދިވެހިރާއްޖެއާއި ބޭރު ގައުމަކާ ދެމެދު ކުށްވެރިން ބަދަލުކުރުމާ ގުޅޭގޮތުން ވެވޭ އެއްބަސްވުމެއްގައި ބަޔާންކުރާ އިތުރު ކަންކަން ފުރިހަމަވެފައިވުން.
(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި ވަކި ކުށަކީ ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން އަދި ބޭރު ގައުމުގެ ގާނޫނުގެ ދަށުން ކުށެއް ކަމުގައި ބެލުމުގައި، އެ ކުށަކީ ނުވަތަ ކުށުގެ އަމަލަކީ ދިވެހިރާއްޖޭގައި އަދި ބޭރު ގައުމުގައި އެއް ދަރަޖައެއް ދީފައިވާ، ނުވަތަ އެއް ލަފްޒުތަކަކުން ނުވަތަ އިބާރާތްތަކަކުން އިށާރާތްކުރާ، ނުވަތަ ދެ ގައުމުގައިވެސް އެއް ގިންތިއެއްގެ ކުށެއް ކަމުގައި ނުވަތަ ކުށުގެ އަމަލެއް ކަމުގައިވުން ލާޒިމެއް ނޫނެވެ. އަދި އެ ކުށުގެ ރުކުންތަކަކީވެސް ދެ ގައުމުގައި އެއް ރުކުންތަކެއް ކަމުގައިވުން ލާޒިމެއް ނޫނެވެ.
16 ވަނަ މާއްދާ – ރުހުން
(ހ) މި ގާނޫނުގެ ދަށުން ކުށްވެރިޔަކު ބަދަލުކުރެވޭނީ، އޭނާ ބަދަލުކުރުމާމެދު އޭނާގެ ރުހުމާއި، ބޭރު ގައުމުގެ ކަމާބެހޭ ފަރާތުގެ ރުހުމާއި، ދިވެހިރާއްޖޭގެ ކަމާބެހޭ ފަރާތުގެ ރުހުން ލިބިފައިވާނަމައެވެ.
(ށ) ކުށްވެރިޔަކު ބަދަލުކުރުމާމެދު މި ގާނޫނުގެ ދަށުން ދިވެހިރާއްޖެއިން ދޭންޖެހޭ ރުހުން ދޭނީ، މިނިސްޓަރެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން މިނިސްޓަރު ރުހުން ދޭން ނުވަތަ ނުދޭން ނިންމުމުގައި، މި ގާނޫނުގެ މަގްސަދުތަކަށް ރިއާޔަތްކުރަންވާނެއެވެ.
(ރ) މި މާއްދާގެ ދަށުން ކުށްވެރިޔަކު ރުހުން ދޭންވާނީ، ނުވަތަ ރުހުން ދިނުމަށް އިންކާރުކުރަންވާނީ، ލިޔުމުންނެވެ.
(ބ) ކުށްވެރިޔާ ދޭ ރުހުމަކީ، ބުއްދި ސަލާމަތުން ހުރެ، އަދި އެ ރުހުން ދިނުމުގެ ނަތީޖާ އެނގިހުރެ، އޭނާގެ އަމިއްލަ އިހްތިޔާރުގައި ދޭ ރުހުމެއްކަން މިނިސްޓަރު ކަށަވަރުކުރަންވާނެއެވެ.
(ޅ) މި މާއްދާގެ (ބ) އެހެން އޮތްނަމަވެސް، ވަކި ކުށްވެރިޔަކީ، ރުހުން ދިނުމުގެ ގާބިލުކަން ލިބިފައިނުވާ ކުށްވެރިއެއްނަމަ، އޭނާގެ ފަރާތުން ރުހުން ދޭނީ، އޭނާގެ ބެލެނިވެރިޔަކު ނުވަތަ ބަލަދުވެރިޔަކު ނުވަތަ އޭނާގެ މަސްލަހަތު ހިމާޔަތްކުރުމަށް އައްޔަންކޮށްފައިވާ އެނޫންވެސް ފަރާތަކުންނެވެ.
(ކ) ކުށްވެރިޔާ ދޭ ރުހުމަކީ މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދީފައިވާ ރުހުމެއްކަން ކަށަވަރުކުރުމަށް، ކުށްވެރިޔާ ބަދަލުކުރެވޭ ގައުމަށް ފުރުސަތު ދޭންވާނެއެވެ.
(އ) މި މާއްދާގެ (ކ) ގައި ބަޔާންކުރާ ކަންކަމަށް މަގުފަހިކޮށްދިނުމަށްޓަކައި ކަނޑައަޅަންޖެހޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި މިނިސްޓަރު ކަނޑައަޅަންވާނެއެވެ.
(ވ) ބޭރު ގައުމުގެ ގާނޫނުގައި އެހެން ގޮތަކަށް ކަނޑައަޅާފައިނުވާހާ ހިނދަކު، ކުށްވެރިޔާ އެހެން ގައުމަކަށް ބަދަލުކުރެވުމުގެ ކުރިން، ކޮންމެ ވަގުތެއްގައިވެސް އޭނާ އެކަމަށް ދީފައިވާ ރުހުން އަނބުރާ ގެންދެވިދާނެއެވެ.
ތިންވަނަ ބާބު
ދިވެހިރާއްޖޭގައިވާ ކުށްވެރިން ބޭރު ގައުމުތަކަށް ބަދަލުކުރުން
17 ވަނަ މާއްދާ - ކުށްވެރިން ގެންދެވޭނެ ގައުމު
މި ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައިވާ ބޭރު ގައުމެއްގެ ކުށްވެރިން ގެންދެވޭނީ، ކުށްވެރިން ބަދަލުކުރުމާ ގުޅޭގޮތުން ދިވެހިރާއްޖެއިން އެ ގައުމާއެކު އެއްބަސްވުމެއް ވެފައިވާ ގައުމަކަށެވެ. ނުވަތަ ކުށްވެރިން ބަދަލުކުރުމާ ގުޅޭގޮތުން ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާއެއްގައި ބައިވެރިވެފައިވާ ބޭރު ގައުމަކަށެވެ.
18 ވަނަ މާއްދާ - ދިވެހިރާއްޖޭގައިވާ ކުށްވެރިން ބަދަލުކުރުން
(ހ) މި ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައިވާ ބޭރު ގައުމެއްގެ ކުށްވެރިޔަކު އެ ގައުމަކަށް ބަދަލުކުރެވޭނީ، ކުށްވެރިޔާ ބަދަލުކުރުމަށް އެދޭ ގައުމުން، ނުވަތަ ކުށްވެރިޔާ އަމިއްލައަށް، ނުވަތަ ކުށްވެރިޔާގެ ގާތް ތިމާގެ މީހަކު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މިނިސްޓަރަށް ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެންނެވެ.
(ށ) ބޭރު ގައުމަކަށް ބަދަލުކުރުމަށް އެދި މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރަށް ހުށަހެޅުމެއް ލިބުމުން، އެ ކުށްވެރިޔާ ބަދަލުކުރުމާ ގުޅޭގޮތުން މި ގާނޫނުގައި ބަޔާންކުރާ ކަންކަން ފުރިހަމަވޭތޯ ބެލުމަށްފަހު، އޭނާ އެ ގައުމަށް ގެންދިޔުމަށް ރުހުން ދިނުމާމެދު މިނިސްޓަރު ގޮތެއް ނިންމަންވާނެއެވެ.
19 ވަނަ މާއްދާ - ރުހުން ދިނުމަށް ނިންމުން
(ހ) ބޭރު ގައުމަކަށް ބަދަލުވުމަށް އެދޭ ކުށްވެރިޔަކާ ގުޅޭގޮތުން މި ގާނޫނުގައި ބަޔާންކުރާ ކަންކަން ފުރިހަމަވާނަމަ، އެ ކުށްވެރިޔާ ބަދަލުކުރުމަށް މިނިސްޓަރުގެ ރުހުން ދެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ރުހުން ދިނުމަށް މިނިސްޓަރު ނިންމައިފިނަމަ، އެކަން، އެ ހުށަހެޅުން ނިސްބަތްވާ ކުށްވެރިޔާއަށް އެންގުމުގެ އިތުރުން، ކުށްވެރިޔާ ބަދަލުވާން އެދޭ ގައުމަށްވެސް މިނިސްޓަރު އަންގަންވާނެއެވެ.
(ނ) މި ގާނޫނުގެ ދަށުން ކުށްވެރިޔަކު ބަދަލުކޮށްދިނުމަށް އެދި ބޭރު ގައުމަކުން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން އެ ކުށްވެރިޔާ ބަދަލުކުރުމަށް ރުހުން ނުދޭން މިނިސްޓަރު ނިންމައިފިނަމަ، އެކަން، އެ ހުށަހެޅުން ނިސްބަތްވާ ކުށްވެރިޔާއަށް އެންގުމުގެ އިތުރުން، ކުށްވެރިޔާ ބަދަލުވާން އެދޭ ގައުމަށް އަންގަންވާނެއެވެ. އެފަދައިން ފޮނުވާ ލިޔުމުގައި، އެ ނިންމުމަށް ވާސިލުވި ސަބަބުތައް ބަޔާންކުރަންވާނެއެވެ.
(ރ) ކުށްވެރިޔާ ބަދަލުކުރަން އެދޭ ގައުމަށް އޭނާ ގެންދެވިއްޖެނަމަ، އޭނާގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ބެލެވޭނަމަ، ނުވަތަ އޭނާއަށް އަނިޔާކޮށްފާނެ ކަމަށް ނުވަތަ އަނިޔާވެރި އަދަބެއް ދީފާނެ ކަމަށް ނުވަތަ އޭނާއާމެދު އެނޫންވެސް ލާއިންސާނީ ގޮތަކަށް އަމަލުކޮށްފާނެ ކަމަށް ބެލެވޭނަމަ، އޭނާ އެ ގައުމަށް ބަދަލުކުރުމުގެ ރުހުން މިނިސްޓަރު ދީގެންނުވާނެއެވެ.
20 ވަނަ މާއްދާ - ކުށްވެރިން ބަދަލުކުރުމާގުޅޭ މުއާހަދާތަކުގެ މައުލޫމާތު ދިނުން
ދިވެހިރާއްޖެއާއި ބޭރު ގައުމަކާ ދެމެދު ކުށްވެރިން ބަދަލުކުރުމާ ގުޅޭގޮތުން ވެވޭ އެއްބަސްވުންތަކުގެ މައުލޫމާތު، ދިވެހިރާއްޖޭގައިވާ އެ ގައުމުގެ ކުށްވެރިންނަށް މިނިސްޓަރު ދޭންވާނެއެވެ.
21 ވަނަ މާއްދާ - ދިވެހިރާއްޖޭގައިވާ ކުށްވެރިން ބަދަލުކުރުމުގައި މިނިސްޓަރު އަމަލުކުރަންވީ ގޮތް
(ހ) ދިވެހިރާއްޖޭގައިވާ ބޭރު ގައުމެއްގެ ކުށްވެރިޔަކު އެ ގައުމަކަށް ބަދަލުކުރުމަށް އެ ގައުމުގައި އެދުމަށް މިނިސްޓަރު ނިންމައިފިނަމަ، އެކަން ބަޔާންކޮށް އެ ގައުމުގެ ކަމާބެހޭ ފަރާތަށް މިނިސްޓަރު ހުށަހެޅުމެއް ހުށަހަޅަންވާނެއެވެ. އަދި، އެ ކުށްވެރިޔާ އެ ގައުމަށް ބަދަލުކުރުމާ ގުޅޭގޮތުން އެ ގައުމުން ދެކޭ ގޮތާއި، ކުށްވެރިޔާ އެ ގައުމަށް ބަދަލުކުރުމަށް އެ ގައުމުން ރުހުން ދީފިނަމަ، އެ ގައުމުގައި ކުށްވެރިޔާގެ ހުކުމް ތަންފީޒުކުރެވޭނެ ގޮތް ސާފުކޮށްދިނުމަށް އެ ގައުމުގެ ކަމާބެހޭ ފަރާތުގައި އެދެންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރު ބޭރު ގައުމަކަށް ހުށަހެޅުމެއް ހުށަހަޅާއިރު، އެ ހުށަހެޅުން ނިސްބަތްވާ ކުށްވެރިޔާ އެހެން ގައުމަކަށް އެކްސްޓްރަޑައިޓްކުރުމަށް ކަމާބެހޭ ގާނޫނުގެ ދަށުން ދިވެހިރާއްޖެއަށް ހުށަހެޅުމެއް ލިބިފައިވާނަމަ، އެކަން ބަޔާންކުރަންވާނެއެވެ. އޭގެ އިތުރުން، ކުށްވެރިން ބަދަލުކުރުމާ ގުޅޭގޮތުން ދިވެހިރާއްޖެއާއި އެ ގައުމާ ދެމެދު ވެފައިވާ އެއްބަސްވުމުގައި ބަޔާންކުރާ މައުލޫމާތާއި، ކުށްވެރިޔާ އެ ގައުމަށް ގެންދިޔުމާމެދު ނިންމުމެއް ނިންމުމަށް މުހިންމު ވެދާނެ ކަމަށް މިނިސްޓަރަށް ފެންނަ އެނޫންވެސް މައުލޫމާތު ހާމަކުރަންވާނެއެވެ.
22 ވަނަ މާއްދާ - ދިވެހިރާއްޖެއިން ބަދަލުކުރުމުގެ ހުއްދަ
(ހ) ބޭރު ގައުމަކަށް ބަދަލުވުމަށް އެދޭ ކުށްވެރިޔަކާ ގުޅޭގޮތުން މި ގާނޫނުގައި ބަޔާންކުރާ ކަންކަން ފުރިހަމަވާނަމަ، އެ ކުށްވެރިޔާ ދިވެހިރާއްޖެއިން އެ ގައުމަށް ގެންދިޔުމުގެ ހުއްދަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މިނިސްޓަރު ދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރު ދޭ ހުއްދައަކީ، އޭނާ ދިވެހިރާއްޖޭގައި ތަންފީޒުކުރަމުންދާ ހުކުމް، އެ ގައުމުގައި ތަންފީޒުކޮށް ނިންމުމަށްޓަކައި އޭނާ ގެންދިޔުމަށް ހުއްދަ ދީ، ދޫކުރާ ލިޔުމެކެވެ. އެ ހުއްދައިގައި، އޭނާގެ ހުކުމް އެ ގައުމުގެ ގާނޫނުގައިވާ ގޮތުގެމަތިން އެ ގައުމުގައި ތަންފީޒުކުރެވެންވާނެކަމާއި، އެގޮތުން އޭނާ ބަންދުގައި ބަހައްޓަންޖެހޭނަމަ ބަންދުގައި ބެހެއްޓުމަށް އަންގަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ދޫކުރެވޭ ހުއްދަ ނިސްބަތްވާ ކުށްވެރިޔާއަކީ ދިވެހިރާއްޖޭގެ ކަމާބެހޭ ގާނޫނުގެ ދަށުން ޕެރޯލްގެ ދަށުން ދޫކޮށްފައިވާ މީހެއްނަމަ، އެކަމާއި، އޭނާ ދޫކުރެވިފައިވާ ށަރުތުތަކާއި، އެއިން ށަރުތަކަށް ބަދަލުގެނެވިފައިވާނަމަ، އެކަމާއި، ޕެރޯލްގެ ދަށުން އޭނާ ދޫކުރެވިފައިވާ މުއްދަތާއި، ޕެރޯލްގެ ދަށުން ދޫކުރެވޭ ކުށްވެރިން އެ ގައުމަށް ގެންދިޔުމުގައި އަމަލުކުރެވޭނެ އުސޫލުތައް ކަމުގައި ދިވެހިރާއްޖެއާއި އެ ގައުމާ ދެމެދު އެއްބަސްވެފައިވާ އުސޫލުތައް، އެ ހުއްދައިގައި ބަޔާންކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރު ދޭ ހުއްދައިގެ ކޮޕީއެއް، ކޮމިށަނަރ އޮފް ޕްރިޒަންސްއަށް މިނިސްޓަރު ދޭންވާނެއެވެ.
(ބ) މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރު ދޭ ހުއްދަ ދިނުމުން، އެ ހުއްދަ ނިސްބަތްވާ ކުށްވެރިޔާ ބަދަލުކުރެވޭ ގައުމަށް އޭނާ ގެންދިޔުމަށްޓަކައި އޭނާ ހަވާލުކުރަންޖެހޭ އެ ގައުމުގެ ކަމާބެހޭ ފަރާތާ އޭނާ ހަވާލުކުރުމުގެ ކަންކަން، ކުށްވެރިން ބަދަލުކުރުމާ ގުޅޭގޮތުން ދިވެހިރާއްޖެއާއި އެ ގައުމާ ދެމެދު ވެފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަދި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ކޮމިށަނަރ އޮފް ޕްރިޒަންސް ހަމަޖައްސަންވާނެއެވެ.
(ޅ) މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރު ދޭ ހުއްދަ ދިނުމުގެ ނަތީޖާއަކީ، އެ ހުއްދަ ނިސްބަތްވާ ކުށްވެރިޔާ ދިވެހިރާއްޖޭގައި ތަންފީޒުކުރަމުންދިޔަ ހުކުމް ތަންފީޒުކުރުން ވަގުތީ ގޮތުން ނިމުމަކަށް އައުމެވެ. އަދި އޭނާގެ ހުކުމް ތަންފީޒުކުރުމުގެ ގޮތުން އޭނާ ދިވެހިރާއްޖޭގައި ބަންދުކޮށްފައިވާ ބަންދުކުރުން ވަގުތީ ގޮތުން ނިމުމަކަށް އައުމެވެ.
- (ކ) އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، މިނިސްޓަރު ދޫކުރާ އެހެން ހުއްދައެއް މެދުވެރިކޮށް، މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރު ދޫކުރާ ހުއްދައަށް ބަދަލުގެނެވިދާނެއެވެ. ނުވަތަ އެ ހުއްދަ ބާތިލުކުރެވިދާނެއެވެ.
- ކުށްވެރިޔާ ބަދަލުކުރުމަށް ބޭރު ގައުމުން ދީފައިވާ ރުހުން އަނބުރާ ގެންދިޔުން؛
- ކުށްވެރިޔާ ބަދަލުކުރުމާމެދު އޭނާ ދީފައިވާ ރުހުން އޭނާ އަނބުރާ ގެންދިޔުން؛
- ކުށްވެރިން ބަދަލުކުރުމާ ގުޅޭގޮތުން ދިވެހިރާއްޖެއާއި ބޭރު ގައުމާ ދެމެދު ވެފައިވާ އެއްބަސްވުމުގައި ބަޔާންކުރާ އެނޫންވެސް ހާލަތެއް ކުރިމަތިވުން.
ހަތަރުވަނަ ބާބު
ބޭރު ގައުމުތަކުގައިވާ ދިވެހި ކުށްވެރިން ދިވެހިރާއްޖެއަށް ބަދަލުކުރުން
23 ވަނަ މާއްދާ - ދިވެހިރާއްޖެއަށް ގެނެވޭނެ ކުށްވެރިން
މި ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ހުކުމް ތަންފީޒުކޮށް ނިންމުމަށް ދިވެހިރާއްޖެއަށް ގެނެވޭނީ ދިވެހި ކުށްވެރިންނެވެ.
24 ވަނަ މާއްދާ - ދިވެހި ކުށްވެރިން ބަދަލުކުރުމަށް އެދެވޭނެ ފަރާތްތައް
ބޭރު ގައުމެއްގައި ހުކުމް ތަންފީޒުކުރަމުންދާ ދިވެހިކުށްވެރިޔަކު ދިވެހިރާއްޖެއަށް ބަދަލުކުރުމަށް އެދި ދިވެހިރާއްޖެއިން އެ ގައުމަށް ހުށަހެޅުމެއް ހުށަހެޅިދާނެއެވެ. ނުވަތަ އެ ގައުމުން ދިވެހިރާއްޖެއަށް ހުށަހެޅުމެއް ހުށަހެޅިދާނެއެވެ.
25 ވަނަ މާއްދާ - ދިވެހި ކުށްވެރިން ބަދަލުކުރުމަށްބޭރު ގައުމުން އެދުން
(ހ) ބޭރު ގައުމެއްގައި ހުކުމް ތަންފީޒުކުރަމުންދާ ދިވެހި ކުށްވެރިޔަކު ދިވެހިރާއްޖެއަށް ބަދަލުކުރުމަށް އެދި އޭނާ އެ ގައުމުގައި އެދުމުން، އެ ގައުމެއްގެ ކަމާބެހޭ ފަރާތަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މިނިސްޓަރަށް ހުށަހެޅުމެއް ހުށަހެޅިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ކޮންމެ ހުށަހެޅުމަކާއެކު ތިރީގައިވާ ލިޔެކިޔުން ހުށަހަޅަންވާނެއެވެ.
- ކުށްވެރިޔާގެ ނަމާއި، އުފަން ތާރީހާއި، އޭނާއަކީ ދިވެހިރައްޔިތެއްކަން އެނގޭނެ މައުލޫމާތާއި، އޭނާއަކީ ކާކުކަން އެނގޭނެ އެނޫންވެސް މައުލޫމާތު؛
- ދިވެހިރާއްޖޭގައި ކުށްވެރިޔާގެ އެޑްރެހެއްވާނަމަ، އެ އެޑްރެސް؛
- ކުށްވެރިޔާގެ މައްޗަށް ކުށް ސާބިތުކުރި ކޯޓުގެ ހުކުމުގެ އަސްލާ އެއްގޮތް ކަމަށް ބަޔާންކޮށް އެ ގައުމެއްގެ ކަމާބެހޭ ފަރާތުން ސޮއިކޮށް، ދޫކޮށްފައިވާ ކޮޕީއެއް؛
- ކުށްވެރިޔާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައެޅި ކުށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައެޅުނު ގޮތާއި، އެ ނިންމުމަށް ވާސިލުވުމުގައި ފާހަގަކޮށްފައިވާ މުހިންމު ނުކުތާތަކުގެ މައްޗަށް އެކުލެވޭ ބަޔާނެއް؛
- ކުށްވެރިޔާ ކޮށްފައިވާ ކުށް ކަނޑައަޅާފައިވާ ގާނޫނުގެ ކަމާބެހޭ މާއްދާތަކުގެ ކޮޕީ؛
- ކުށްވެރިޔާ ތަންފީޒުކުރަންޖެހޭ އަދަބުގެ ބާވަތާއި، އެ އަދަބުގެ މުއްދަތާއި، ހުކުމް ތަންފީޒުކުރަން ފެށި ތާރީހު؛
- ކުށްވެރިޔާ ކޮށްފައިވާ ކުށުގެ އަދަބު ކަނޑައަޅާފައިވާ ގާނޫނުގެ ކަމާބެހޭ މާއްދާތަކުގެ ކޮޕީ؛
- ކުށްވެރިޔާއަކީ އެ ގައުމުގެ ކަމާބެހޭ ގާނޫނުގައިވާ ގޮތުގެމަތިން ޕެރޯލްގެ ދަށުން ދޫކޮށްފައިވާ މީހެއް ކަމުގައިވާނަމަ، ކަމާބެހޭ އިދާރާއިން ދޫކޮށްފައިވާ އެކަން ހެކިކޮށްދޭ ރަސްމީ ލިޔުމެއް، އަދި އެ ގައުމުގެ ކަމާބެހޭ ގާނޫނުގެ ކަމާބެހޭ މާއްދާތަކުގެ ކޮޕީ؛
- ކުށްވެރިޔާ ދިވެހިރާއްޖެއަށް ބަދަލުކުރުމަށް ރުހުންދޭ ކަމަށް ބަޔާންކޮށް އޭނާ ސޮއިކޮށްފައިވާ އިގުރާރު؛
- ކުށްވެރިޔާ ދިވެހިރާއްޖެއަށް ބަދަލުކުރުމަށް ރުހުންދޭ ކަމަށް ބަޔާންކޮށް އެ ގައުމުގެ ކަމާބެހޭ ފަރާތުން ސޮއިކޮށްފައިވާ އިގުރާރު؛
- ކުށްވެރިޔާ އެއްވެސް ސިއްހީ ފަރުވާއެއް ހޯދަމުންދާނަމަ، އެ ފަރުވާއެއްގެ މައުލޫމާތު، އަދި ކުށްވެރިޔާ ރާއްޖެ ގެނައުމަށްފަހު އެ ފަރުވާ ދަމަހައްޓަން ބޭނުންވާނަމަ، އެކަން ބަޔާންކޮށް އެ ގައުމެއްގެ ކަމާބެހޭ ފަރާތުން ހުށަހަޅާ ހުށަހެޅުން؛
- ހުށަހެޅުމަށް އަމަލުކުރުމަށް ކޮންމެހެން ބޭނުންވާނެ ކަމަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ނުވަތަ ދިވެހިރާއްޖެއާއި އެ ގައުމާ ދެމެދު ކުށްވެރިން ބަދަލުކުރުމާ ބެހޭގޮތުން ވެފައިވާ އެއްބަސްވުމެއްގައި ކަނޑައަޅާ އެނޫންވެސް މައުލޫމާތު.
(ނ) ކުށްވެރިޔާއަކީ، ރުހުން ދިނުމުގެ ގާބިލުކަން ލިބިފައިނުވާ ކުށްވެރިއެއްނަމަ، އޭނާ ރުހުންދޭ ކަމަށް ބަޔާންކޮށް އޭނާގެ ފަރާތުން އިގްރާރުވާނީ، މި ގާނޫނުގެ 16 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ ފަރާތުންނެވެ.
(ރ) މި މާއްދާގެ (ށ) ގެ ދަށުން ހުށަހަޅާ ލިޔެކިޔުން ހުންނަންވާނީ އިނގިރޭސި ބަހުންނެވެ. އަދި އެ ލިޔުމެއްގެ އަސްލު އޮތީ އިނގިރޭސި ބަހުން ކަމުގައިނުވާނަމަ، އަސްލާ އެއްގޮތް ކަމަށް ބަޔާންކޮށް، އެ ގައުމުގެ ކަމާބެހޭ ރަސްމީ އިދާރާއަކުން ސޮއިކޮށްފައިވާ އެ ލިޔުމުގެ އިނގިރޭސި ތަރުޖަމާއެއް ހުށަހަޅަންވާނެއެވެ.
(ބ) މި މާއްދާގެ ދަށުން ބޭރު ގައުމުތަކުން ހުށަހަޅާ ހުށަހެޅުންތައް ހުންނަންވާނެ ގޮތުގެ ނަމޫނާއާއި، އެފަދަ ހުށަހެޅުން ހުށަހެޅުމުގައި އަމަލުކުރާނެ ގޮތުގެ އިޖުރާއަތު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
26 ވަނަ މާއްދާ - ދިވެހިރާއްޖެއަށް ބަދަލުވުމަށް
ދިވެހި ކުށްވެރިން އެދުން(ހ) ބޭރު ގައުމެއްގައިވާ ދިވެހި ކުށްވެރިޔަކު ދިވެހިރާއްޖެއަށް ބަދަލުވުމަށް އެދޭނަމަ، މި ގާނޫނުގެ 25 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެ ގައުމުގައި އެދުމުގެ ބަދަލުގައި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މިނިސްޓަރަށް ހުށަހެޅުމެއް ހުށަހެޅިދާނެއެވެ.
(ށ) މި މާއްދާގެ ދަށުން ހުށަހަޅާ ހުށަހެޅުމަކާ ގުޅޭގޮތުންވެސް މި ގާނޫނުގެ 25 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ކަންކަން ފުރިހަމަވާންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރަށް ހުށަހެޅުމެއް ލިބުމުން، އެކަން، ބޭރު ގައުމުގެ ކަމާބެހޭ ފަރާތަށް އަންގަންވާނެއެވެ. އަދި އެ ގައުމުގެ ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން، އަދި ކުށްވެރިން ބަދަލުކުރުމާ ގުޅޭގޮތުން ދިވެހިރާއްޖެއާއި އެ ގައުމާ ދެމެދު ވެފައިވާ އެއްބަސްވުމުގައި ބަޔާންކުރާ ގޮތުގެމަތިން މިނިސްޓަރު އަމަލުކުރަންވާނެއެވެ.
27 ވަނަ މާއްދާ - ދިވެހިރާއްޖެއަށް ގެނައުމުގެ ހުއްދަ ދިނުން
(ހ) ދިވެހިރާއްޖެއަށް ބަދަލުވުމަށް އެދޭ ބޭރު ގައުމެއްގައިވާ ދިވެހި ކުށްވެރިޔަކާ ގުޅޭގޮތުން މި ގާނޫނުގައި ބަޔާންކުރާ ކަންކަން ފުރިހަމަވާނަމަ، އޭނާ އެ ގައުމުން ދިވެހިރާއްޖެއަށް ގެނައުމުގެ ހުއްދަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މިނިސްޓަރު ދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރު ދޭ ހުއްދައަކީ، އޭނާ ބޭރު ގައުމުގައި ތަންފީޒުކުރަމުންދާ ހުކުމް، ދިވެހިރާއްޖޭގައި ތަންފީޒުކޮށް ނިންމުމަށްޓަކައި އޭނާ ދިވެހިރާއްޖެއަށް ގެނައުމުގެ ހުއްދަ ދީ، ދޫކުރާ ލިޔުމެކެވެ. އެ ހުއްދައިގައި، އޭނާގެ ހުކުމް މި ގާނޫނުގައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި ތަންފީޒުކުރެވެންވާނެކަމާއި، އެގޮތުން އޭނާ ބަންދުގައި ބަހައްޓަންޖެހޭނަމަ ބަންދުގައި ބަހައްޓަންޖެހޭ މުއްދަތާއި ގޮތް އަންގާފައި އޮންނަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ދޫކުރެވޭ ހުއްދަ ނިސްބަތްވާ ކުށްވެރިޔާއަކީ އެ ގައުމުގެ ކަމާބެހޭ ގާނޫނުގެ ދަށުން ޕެރޯލްގެ ދަށުން ދޫކޮށްފައިވާ މީހެއްނަމަ، އެކަމާއި، އޭނާ ދޫކުރެވިފައިވާ ށަރުތުތަކާއި، އެއިން ށަރުތަކަށް ބަދަލުގެނެވިފައިވާނަމަ އެކަމާއި، ޕެރޯލްގެ ދަށުން އޭނާ ދޫކުރެވިފައިވާ މުއްދަތާއި، ޕެރޯލްގެ ދަށުން ދޫކުރެވޭ ކުށްވެރިން ދިވެހިރާއްޖެއަށް ގެނައުމުގައި އަމަލުކުރެވޭނެ އުސޫލުތައް ކަމުގައި ދިވެހިރާއްޖެއާއި އެ ގައުމާ ދެމެދު އެއްބަސްވެފައިވާ އުސޫލުތައް، އެ ހުއްދައިގައި ބަޔާންކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރު ދޭ ހުއްދަ ދިނުމުން، އެ ހުއްދަ ނިސްބަތްވާ ކުށްވެރިޔާ ބަންދުގައި ބެހެއްޓުމުގެ އިންތިޒާމު، މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޮމިށަނަރ އޮފް ޕްރިޒަންސް ހަމަޖައްސަންވާނެއެވެ.
(ބ) އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، މިނިސްޓަރު ދޫކުރާ އެހެން ހުއްދައެއް މެދުވެރިކޮށް، މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރު ދޫކުރާ ހުއްދައަށް ބަދަލުގެނެވިދާނެއެވެ. ނުވަތަ އެ ހުއްދަ ބާތިލުކުރެވިދާނެއެވެ.
- ކުށްވެރިޔާ ބަދަލުކުރުމަށް ބޭރު ގައުމުން ދީފައިވާ ރުހުން އަނބުރާ ގެންދިޔުން؛
- ކުށްވެރިޔާ ބަދަލުކުރުމާމެދު އޭނާ ދީފައިވާ ރުހުން އޭނާ އަނބުރާ ގެންދިޔުން؛
- ކުށްވެރިން ބަދަލުކުރުމާ ގުޅޭގޮތުން ދިވެހިރާއްޖެއާއި ބޭރު ގައުމާ ދެމެދު ވެފައިވާ އެއްބަސްވުމުގައި ބަޔާންކުރާ އެނޫންވެސް ހާލަތެއް ކުރިމަތިވުން.
ފަސްވަނަ ބާބު
ބޭރު ގައުމުތަކުގެ ހުކުމް ދިވެހިރާއްޖޭގައި ތަންފީޒުކުރުން
28 ވަނަ މާއްދާ - ދިވެހިރާއްޖޭގައި ހުކުމް ތަންފީޒުކުރުން
ބޭރު ގައުމެއްގައި ހުކުމް ތަންފީޒުކުރަމުންދިޔަ ދިވެހި ކުށްވެރިޔަކު މި ގާނޫނުގެ ދަށުން ދިވެހިރާއްޖެއަށް ގެނައުމަށްފަހު، އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމް، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް ދިވެހިރާއްޖޭގައި ތަންފީޒުކުރަންވާނެއެވެ.
(ހ) އެ ގައުމުގައި ކޮށްފައިވާ ހުކުމް އެގޮތުގައި ދިވެހިރާއްޖޭގައި ތަންފީޒުކުރުން؛ ނުވަތަ
(ށ) ކުށްވެރިޔާގެ މައްޗަށް އެ ގައުމުގައި ކަނޑައަޅާފައިވާ އަދަބު، ދިވެހިރާއްޖޭގެ ގާނޫނަށް ފެއްތުމަށްޓަކައި، އެ އަދަބު ބަދަލުކުރުމަށްފަހު، ބަދަލުކުރެވޭ އަދަބު ތަންފީޒުކުރުން.
29 ވަނަ މާއްދާ - ހުކުމް ދެމެހެއްޓުން
(ހ) މި ގާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތުގައި ފިޔަވައި، ބޭރު ގައުމެއްގައި ކޮށްފައިވާ ހުކުމެއް، އެގޮތުގައި ދިވެހިރާއްޖޭގައި ތަންފީޒުކުރަންވާނެއެވެ.
(ށ) ބޭރު ގައުމެއްގައި ކޮށްފައިވާ ހުކުމެއް، މި މާއްދާގެ (ހ) ގެ ދަށުން ތަންފީޒުކުރުމުގެ ބޭނުމަށްޓަކައި، ބޭރު ގައުމުގައި ކޮށްފައިވާ ހުކުމަކީ ދިވެހިރާއްޖޭގައި ކަނޑައަޅާފައިވާ ހުކުމެކޭ އެއްފަދަ ހުކުމެއް ކަމުގައި ބެލޭނެއެވެ.
(ނ) ބޭރު ގައުމެއްގައި ކޮށްފައިވާ ހުކުމެއް، އެގޮތުގައި ދިވެހިރާއްޖޭގައި ތަންފީޒުކުރުމަށްޓަކައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މިނިސްޓަރު އަމުރެއް ނެރެންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގެ ދަށުން މިނިސްޓަރު ނެރޭ އަމުރުގައި، އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ.
އެ އަމުރަކީ ބޭރު ގައުމުގައި އޭނާގެ މައްޗަށް ކަނޑައަޅާފައިވާ ހުކުމް އެގޮތުގައި ތަންފީޒުކުރުމަށް ނެރޭ އަމުރެއްކަން؛ އަދި
ދިވެހިރާއްޖޭގައި އެ ހުކުމް ތަންފީޒުކުރުމުގައި، ބޭރު ގައުމުގައި އޭނާ ތަންފީޒުކޮށް ނިންމާފައިވާ މުއްދަތު އުނިކުރެވޭނެކަމާއި، އެ މުއްދަތު އުނިކުރުމުން، ދިވެހިރާއްޖޭގައި އޭނާ ހުކުމް ތަންފީޒުކުރަންޖެހޭ މުއްދަތަކީ ކޮބައިކަން.
30 ވަނަ މާއްދާ - އަދަބު ބަދަލުކުރުން
(ހ) ބޭރު ގައުމެއްގައި ހުކުމް ތަންފީޒުކުރަމުންދިޔަ ދިވެހި ކުށްވެރިއެއްގެ މައްޗަށް ކަނޑައަޅާފައިވާ އަދަބަކީ، ދިވެހިރާއްޖޭގެ ގާނޫނުގައި އެކުށަށް ކަނޑައަޅާފައިވާ އަދަބާ ވަރަށް ބޮޑުތަން ތަފާތު އަދަބެއް ކަމުގައިވާނަމަ، ދިވެހިރާއްޖޭގެ ކަމާބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ އަދަބާ އެ އަދަބު އެއްގޮތްކުރުމަށްޓަކައި މި މާއްދާގައިވާ ގޮތުގެމަތިން އެ އަދަބު ބަދަލުކުރެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން އަދަބު ބަދަލުކުރެވޭނީ، ސުޕްރީމް ކޯޓުގެ އަމުރަކުންނެވެ.
(ނ) މި މާއްދާގެ ދަށުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާނެ ގޮތުގެ އިޖުރާއަތުތައް، މި ގާނޫނުގެ ދަށުން ސުޕްރީމް ކޯޓުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ރ) މި މާއްދާގެ ދަށުން ސުޕްރީމް ކޯޓަށް ހުށަހެޅޭ މައްސަލައަކާ ގުޅިގެން، ބޭރު ގައުމެއްގައި ހުކުމް ތަންފީޒުކުރަމުންދިޔަ ދިވެހި ކުށްވެރިއެއްގެ މައްޗަށް ކަނޑައެޅިފައިވާ އަދަބު އެ ކޯޓުން ބަދަލުކުރުމުގައި އަމަލުކުރަންވާނީ އަންނަނިވި ގޮތުގެމަތިންނެވެ.
- އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ބޭރު ގައުމުގައި ކަނޑައަޅާފައިވާ ހުކުމް މުރާޖައާނުކުރުން؛
- ބޭރު ގައުމުގައި އޭނާގެ މައްޗަށް ކަނޑައަޅާފައިވާ އަދަބަށްވުރެ، ބަދަލުކުރެވޭ އަދަބު ބޮޑުނުވުން؛
- ބަދަލުކުރެވޭ އަދަބުގެ މިންވަރަކީ، ބޭރު ގައުމުގައި އޭނާގެ މައްޗަށް ކަނޑައަޅާފައިވާ އަދަބާ ވީވަރަކުން ގާތްކުރާ މިންވަރަކަށްވުން؛
- ބަދަލުކުރެވޭ އަދަބަކީވެސް ޖަލުގައި ބަންދުކުރުމުގެ ނުވަތަ އެނޫންވެސް ގޮތަކުން ބަންދުގައި ބެހެއްޓުމުގެ އަދަބެއް ކަމުގައިވުން؛
- ބޭރު ގައުމުގައި އޭނާގެ މައްޗަށް ކަނޑައަޅާފައިވާ އަދަބުގެ ޖުމްލަ މުއްދަތުގެ ތެރެއިން އޭނާ އެ ގައުމުގައި ތަންފީޒުކޮށްފައިވާ މުއްދަތު، ބަދަލުކުރެވޭ އަދަބުން އުނިކުރުން.
31 ވަނަ މާއްދާ - އިސްތިއުނާފު ނުކުރެވުން
(ހ) މި ގާނޫނުގެ ދަށުން ދިވެހިރާއްޖެއަށް ގެނެވޭ ބޭރު ގައުމެއްގައި ހުކުމް ތަންފީޒުކުރަމުންދިޔަ ދިވެހި ކުށްވެރިއެއްގެ މައްޗަށް ކަނޑައެޅިފައިވާ ހުކުމް، ދިވެހިރާއްޖޭގައި އިސްތިއުނާފެއް ނުކުރެވޭނެއެވެ.
(ށ) މި ގާނޫނުގެ ދަށުން ދިވެހިރާއްޖެއަށް ގެނެވޭ ބޭރު ގައުމެއްގައި ހުކުމް ތަންފީޒުކުރަމުންދިޔަ ދިވެހި ކުށްވެރިއެއްގެ މައްޗަށް ކަނޑައެޅިފައިވާ ހުކުމް ތަންފީޒުކުރުމާ ގުޅޭގޮތުން މިނިސްޓަރު ނިންމާ ނިންމުމެއް ދިވެހިރާއްޖޭގައި އިސްތިއުނާފެއް ނުކުރެވޭނެއެވެ.
32 ވަނަ މާއްދާ - މައާފުދިނުން ނުވަތަ އަދަބު ލުއިކޮށްދިނުން
(ހ) މި ގާނޫނުގެ ދަށުން ދިވެހިރާއްޖެއަށް ގެނެވޭ ދިވެހި ކުށްވެރިއަކަށް، ބޭރު ގައުމުގެ ކަމާބެހޭ ގާނޫނުގެ ދަށުން އަދަބު ލުއިކޮށްދީފިނަމަ، އޭނާގެ އަދަބު، އެގޮތުގެމަތިން ލުއިކޮށްދޭންވާނެއެވެ.
(ށ) މި ގާނޫނުގެ ދަށުން ދިވެހިރާއްޖެއަށް ގެނެވޭ ދިވެހި ކުށްވެރިޔަކު، މި ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ހުކުމް ތަންފީޒުކުރަމުންދާ ދިޔުމުގައި، މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން އަދަބު ލުއިކޮށްދިނުމަށް ށަރުތުހަމަވާނަމަ، އެ ގާނޫނުގައިވާ ގޮތުގެމަތިން އޭނާގެ އަދަބު، ލުއިކޮށްދެވިދާނެއެވެ.
(ނ) މި ގާނޫނުގެ ދަށުން ދިވެހިރާއްޖެއަށް ގެނެވޭ ދިވެހި ކުށްވެރިއަކަށް، ދިވެހިރާއްޖޭގެ ކަމާބެހޭ ގާނޫނުގެ ދަށުން ނުވަތަ ބޭރު ގައުމުގެ ކަމާބެހޭ ގާނޫނުގެ ދަށުން މައާފުދީފިނަމަ، އޭނާގެ ހުކުމް ތަންފީޒުކުރުން ނިމުމަކަށް ގެނެސް، އޭނާ ބަންދުން ދޫކުރަންވާނެއެވެ.
(ރ) މި ގާނޫނުގެ ދަށުން ބޭރު ގައުމަކަށް ބަދަލުކުރެވޭ ކުށްވެރިއަކަށް، ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން މައާފުދީފިނަމަ، ނުވަތަ އަދަބު ލުއިކޮށްދީފިނަމަ، އެކަން، އެ ގައުމުގެ ކަމާބެހޭ ފަރާތަށް މިނިސްޓަރު އަންގަންވާނެއެވެ.
33 ވަނަ މާއްދާ - އަދަބު
މި ބާބުގެ ބޭނުމަށްޓަކައި "އަދަބު" ކަމަށް ބުނެފައި އެވަނީ، މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ށަރުއީ ކޯޓަކުން ހުކުމް ކުރުމާއެކު ނުވަތަ ހުކުމްކުރުމަށްފަހު، އޭނާގެ މައްޗަށް ކަނޑައަޅާ އަދަބަށެވެ.
ހަވަނަ ބާބު
އެހެނިހެން
34 ވަނަ މާއްދާ - އެޓަރނީ ޖެނެރަލްގެ ލަފާ ހޯދުން
މި ގާނޫނުގެ ދަށުން މިނިސްޓަރު ނިންމަންޖެހޭ އެއްވެސް ނިންމުމެއް ނިންމަންވާނީ، އެކަމާ ގުޅޭގޮތުން އެޓަރނީ ޖެނެރަލްގެ ލަފާ ހޯދުމަށްފަހު، އެ ލަފާގައިވާ ގޮތުގެމަތިންނެވެ.
35 ވަނަ މާއްދާ – ޓްރާންޒިޓްކުރުން
(ހ) ބޭރު ގައުމެއްގައިވާ ކުށްވެރިޔަކު އެހެން ބޭރު ގައުމަކަށް ބަދަލުކުރުމަށްޓަކައި ދަތުރުކުރާއިރު އެ ދަތުރުމަތީގައި ދިވެހިރާއްޖޭގައި ޓްރާންޒިޓްކުރުމަށް އޭނާ ގެންދެވޭ ގައުމުން އެދޭނަމަ، އަދި އަންނަނިވި ށަރުތުތައް އެފަދަ ހުށަހެޅުމަކާ ގުޅޭގޮތުން ފުރިހަމަވާނަމަ، އެ ގައުމުގެ ކަމާބެހޭ މީހެއްގެ ހަވާލުގައި ދިވެހިރާއްޖޭގައި އެ ކުށްވެރިޔާ ޓްރާންޒިޓްކުރުމުގެ ހުއްދައެއް މިނިސްޓަރަށް ދެވިދާނެއެވެ.
ކުށްވެރިޔާ ދިވެހިރާއްޖެ ގެނައުމުގެ ކުރިން، ޓްރާންޒިޓްކުރުމުގެ ހުއްދައަށް ކުށްވެރިޔާ ގެންދެވޭ ގައުމުން އެދިފައިވުން؛ އަދި
ޓްރާންޒިޓްކުރުމުގެ ހުއްދައަށް އެދޭ ގައުމަކީ، މި ގާނޫނުގެ ދަށުން ކުށްވެރިން ބަދަލުކުރެވޭނެ ގައުމަކަށްވުން.
(ށ) ރާއްޖޭގައި ޓްރާންޒިޓްކުރަން އެދޭ ކުށްވެރިޔާއާ ގުޅޭގޮތުން އަންނަނިވި ކަންކަން ފުރިހަމަވާނަމަ، އޭނާ ދިވެހިރާއްޖޭގައި ޓްރާންޒިޓްކުރުމުގެ ހުއްދަ ނުދީ މިނިސްޓަރަށް ހިފެހެއްޓިދާނެއެވެ.
- އޭނާއަކީ ދިވެހިރައްޔިތެއް ކަމުގައިވުން؛
- އޭނާގެ މައްޗަށް ސާބިތުވެފައިވާ ކުށަކީ ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން ކުށެއް ކަމުގައިނުވުން؛
- އޭނާއަކީ، ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން ކުށެއް ކަމުގައި ކަނޑައަޅާފައިވާ ކުށެއް ދިވެހިރާއްޖޭގެ ގާނޫނާ ހިލާފަށް ކުރުމުގެ ސަބަބުން ހޯދަމުންދާ މީހެއް ކަމުގައިވުން.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ކުށްވެރިޔަކު ދިވެހިރާއްޖޭގައި ޓްރާންޒިޓްކުރުމުގެ ހުއްދަ މިނިސްޓަރު ދީފިނަމަ، ޓްރާންޒިޓްކުރެވޭ ކުށްވެރިޔާއާ ހަވާލުވެހުރި އެ ގައުމުގެ ކަމާބެހޭ އޮފިސަރަށް، ދިވެހިރާއްޖޭގެ ފުލުހުންގެ އެހީތެރިކަން ފޯރުކޮށްދެވިދާނެއެވެ.
(ރ) މި މާއްދާގެ (ހ) ގެ ދަށުން ހުއްދަ ލިބިގެން ދިވެހިރާއްޖޭގައި ޓްރާންޒިޓްކުރާ ކުށްވެރިޔާ ދަތުރުކުރާ އުޅަނދު ދިވެހިރާއްޖޭގައި ޖެއްސީއްސުރެ ނުވަތަ ބަނދަރުކުރީއްސުރެ ދިވެހިރާއްޖެއިން ފުރަންދެން، މިނިސްޓަރު ކަނޑައަޅާ ގޮތެއްގެމަތިން ކުށްވެރިޔާ ހައްޔަރުގައި ބަހައްޓަން މިނިސްޓަރު އަންގަންވާނެއެވެ.
36 ވަނަ މާއްދާ - ހަރަދު
(ހ) ކުށްވެރިން ބަދަލުކުރުމާ ގުޅޭގޮތުން ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާއެއްގައި ނުވަތަ ކުށްވެރިން ބަދަލުކުރުމާ ގުޅޭގޮތުން
ބޭރު ގައުމަކާއި ދިވެހިރާއްޖެއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ބޭރު ގައުމެއްގައިވާ ދިވެހި ކުށްވެރިޔަކު ދިވެހިރާއްޖެއަށް ގެނައުމަށް ހިނގާނެ ހަރަދު އުފުލާނީ، ދިވެހި ސަރުކާރުންނެވެ.
(ށ) ބޭރު ގައުމެއްގައިވާ ދިވެހި ކުށްވެރިޔަކު ދިވެހިރާއްޖެއަށް ގެނައުމަށް ހިނގާނެ ހަރަދު މި މާއްދާގެ (ހ) ގެ ދަށުން ދިވެހި ސަރުކާރުން އުފުލި ނަމަވެސް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން ކުށްވެރިޔާގެ ކިބައިން އެ ހަރަދު އަނބުރާ ހޯދުމަކަށް މި ގާނޫނު ހުރަހެއްނާޅައެވެ.
(ނ) ކުށްވެރިން ބަދަލުކުރުމާ ގުޅޭގޮތުން ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާއެއްގައި ނުވަތަ ކުށްވެރިން ބަދަލުކުރުމާ ގުޅޭގޮތުން ބޭރު ގައުމަކާއި ދިވެހިރާއްޖެއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ދިވެހިރާއްޖޭގައިވާ ބޭރު ގައުމުގެ ކުށްވެރިޔަކު އެ ގައުމަށް ގެންދިޔުމާ ގުޅޭގޮތުން ހިނގާނެ ހަރަދު އުފުލާނީ، އެ ގައުމަކުންނެވެ.
(ރ) ކުށްވެރިޔަކު އެއް ގައުމުން އަނެއް ގައުމަށް ބަދަލުކުރުމުގައި ދިވެހިރާއްޖޭގައި ޓްރާންޒިޓްކުރުމަށް ހުށަހަޅާނަމަ، ކުށްވެރިޔާ ދިވެހިރާއްޖޭގައި ހުންނަ ހުރުމާ ގުޅޭގޮތުން ހިނގާ ހަރަދަށް ޒިންމާވާނީ، ދިވެހިރާއްޖޭގައި އެ ކުށްވެރިޔާ ޓްރާންޒިޓްކުރުމުގެ ހުއްދައަށް އެދޭ ގައުމުންނެވެ.
37 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން
(ހ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދާނީ މިނިސްޓަރެވެ.
(ށ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
38 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރުން
މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.
39 ވަނަ މާއްދާ – މާނަކުރުން
މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އަންނަނިވި ލަފްޒުތަކާއި އިބާރާތްތަކަށް ދީފައިވަނީ، އެ ލަފްޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.
(ހ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ހުކުމް ތަންފީޒުކުރަމުންގެންދާ ކުށްވެރިންނާގުޅޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.
(ށ) "އެޓަރނީ ޖެނެރަލް" ކަމަށް ބުނެފައި އެވަނީ، ގާނޫނުއަސާސީ ގެ 133 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ބަންޑާރަނައިބަށެވެ.
(ނ) "ކޮމިށަނަރ އޮފް ޕްރިޒަންސް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި ބަޔާންކުރާ ކޮމިށަނަރ އޮފް ޕްރިޒަންސްއަށެވެ.
(ރ) "ކޯޓު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ކޯޓަކަށް ނިސްބަތްކޮށް ކަމުގައިވާނަމަ، ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ގާނޫނުގައި އެ ލަފްޒަށް ދީފައިވާ މާނައިގައެވެ. ބޭރު ގައުމެއްގެ ކޯޓަކަށް ނިސްބަތްކޮށް ކަމުގައިވާނަމަ، އެ ގައުމެއްގެ ށަރުއީ ކޯޓަކަށެވެ.
(ބ) "ސުޕްރީމް ކޯޓު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށެވެ.
(ޅ) "ޓްރާންޒިޓްކުރުން" ކަމަށް ބުނެފައި އެވަނީ، ބޭރު ގައުމެއްގައިވާ ކުށްވެރިޔަކު އެހެން ގައުމަކަށް ބަދަލުކުރުމަށްޓަކައި ދަތުރުކުރާއިރު ދިވެހިރާއްޖޭގެ މަގުން ދަތުރުކުރާ ހާލަތްތަކުގައި، މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި މަޑުކުރާ ކުރުމަށެވެ.
(ކ) "ބޭރު ގައުމެއްގެ ކަމާބެހޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ބޭރު ގައުމެއްގައިވާ ކުށްވެރިން އެހެން ގައުމަކަށް ގެންދިޔުމާގުޅޭ ކަންކަން ހަމަޖެއްސުމުގެ ޒިންމާ އެ ގައުމުގައި ހަވާލުވެފައިވާ ފަރާތަށެވެ.
ކިޔުންތެރިންގެ ހިޔާލު