-

މަސްވެރިކަމުގެ ގާނޫނު (ގާނޫނު ނަންބަރު 2019-14) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2026-14)

(މި ގާނޫނަށް އަމަލުކުރަން ފެށީ 31 އޮގަސްޓު 2026 ގައި)

 

ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 2 ވަނަ މާއްދާގެ (ހ) ގެ (13) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ފަދައިން ނަންބަރެއް އިތުރުކުރުން.

(14) މަސްވެރިކަމުގެ ދާއިރާއާއި މަސްވެރިކަމުގެ ދިރުންތަކާއި، އެ ތަކެތީގެ މާހައުލާއި، ކަނޑުގެ ގުދުރަތީ ވަސީލަތްތަކާބެހޭ ދިރާސާތައް ކުރުމަށް ބާރުއެޅުމާއި، އެފަދަ ދިރާސާތައް ކުރުމުގައި ފުޅާ ދާއިރާއެއްގައި ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުމަށް މަގުފަހިކުރުން.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 27 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.

ބައެއް މަހުގެ ބާވަތްތަކުގެ އަދި ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކުން މަސްވެރިކަންކުރުން މަނާވުން 1-27.

(ހ) މި ގާނޫނުގެ ދަށުން ނުވަތަ އެހެން ގާނޫނެއްގެ ދަށުން، ހިމާޔަތްކުރެވިފައިވާ މަހުގެ ބާވަތްތަކުގެ މަސްވެރިކަންކުރުމަކީ، މަނާކަމެކެވެ.

(ށ) ގާނޫނެއްގެ ދަށުން ހިމާޔަތްކުރެވިފައިވާ ސަރަހައްދެއްގައި ކުރުން ހުއްދަކޮށްފައިވާ ބާވަތުގެ މަސްވެރިކަން ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް، ކުރާ ކުރުން ފިޔަވައި، އެނޫން ހާލަތެއްގައި އެފަދަ ސަރަހައްދެއްގައި މަސްވެރިކަންކުރުމަކީ މަނާކަމެކެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 30 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.

މަސްވެރިކަމުގެ ބަނދަރު 1-30.

(ހ) މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކުގެ ބޭނުމަށްޓަކައި ތަރައްގީކުރާ މަސްވެރިކަމުގެ ބަނދަރުތައް ތަރައްގީކުރުމުގެ ނުވަތަ ތަރައްގީކޮށް ހިންގުމުގެ ހުއްދަ މި މާއްދާގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓްރީއަށް ދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި މަސްވެރިކަމުގެ ބަނދަރު ކަމަށް ބުނެފައި އެވަނީ، ރައްކާތެރިކަމާއެކު މަސްވެރި އުޅަނދުފަހަރު ބަނދަރުކުރުމަށް މޫދުގައި ނުވަތަ މޫދާ އިންވެގެންވާ ގޮތަށް ތަރައްގީކުރެވިފައިވާ، އެ ތަނަކުން މަސްވެރިކަމަށް ހާއްސަކުރެވިގެން ފޯރުކޮށްދޭ ހިދުމަތްތައް ލިބޭ ބަނދަރަކަށެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ މަސްވެރިކަމަށް ހާއްސަކުރެވިގެން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި އުޅަނދުފަހަރު ބަނދަރުކުރުމާއި ސަރވިސްކުރުމުގެ ހިދުމަތާއި، މަސްކިރުމާއި ޕްރޮސެސްކުރުމުގެ ހިދުމަތާއި، މަސްވެރިކަމުގެ އަދި މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކަށް ބޭނުންވާ އާލާތްތަކާއި ސާމާނު ވިއްކާ ފިހާރައިގެ ހިދުމަތާއި، އެނޫންވެސް ކަމާގުޅޭ ހިދުމަތްތައް ހިމެނެއެވެ.

(ރ) މި މާއްދާގައި ބަޔާންކުރާފަދަ ބަނދަރުތައް ތަރައްގީކުރުމާއި، ހިންގުމުގެ ށަރުތުތަކާއި އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި މިނިސްޓްރީން ކަނޑައަޅަންވާނެއެވެ. އަދި، އެ ގަވާއިދުގައި، މަދުވެގެން، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. ބަނދަރު ތަރައްގީކުރުމަށް ހަވާލުކުރެވޭ ފަރާތާއެކު ވެވޭ އެއްބަސްވުންތަކާއި ކުލީގެ އެއްބަސްވުންތަކުގައި ފުރިހަމަވާންޖެހޭ ށަރުތުތައް؛
  2. ބަނދަރުގައި ދަމަހައްޓަންޖެހޭ ރައްކާތެރިކަމުގެ މިންގަނޑުތައް؛
  3. ބަނދަރުގައި އުޅަނދު ބަނދަރުކުރުމާއި ލަފާ ފުރުމާއި، މުދާ ބަރުކުރުމާގުޅޭ އުސޫލުތައް؛
  4. ބަނދަރުގައި ގާއިމުކުރެވޭ ފެސިލިޓީތަކާއި އެކޮމޮޑޭށަންގައި ފުރިހަމަވާންޖެހޭ ކަންކަން؛
  5. ބަނދަރުގައި ގާއިމުކުރެވޭ ހިދުމަތްތަކުގައި ފުރިހަމަވާންޖެހޭ ށަރުތުތައް؛
  6. ބަނދަރު ބޭނުންކުރުމުގެ ޗާޖުތައް ނެގުމުގެ އުސޫލު؛
  7. ބަނދަރު ބޭނުންކުރާ ފަރާތްތަކުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް؛
  8. ބަނދަރާގުޅޭ ކަންކަން މޮނިޓަރކުރާނެ ފަރާތްތަކުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް؛
  9. ބަނދަރުގައި ދިމާވެދާނެ އެކްސިޑެންޓްތަކާއި، ހާދިސާތަކާ ގުޅިގެން އަމަލުކުރަންޖެހޭ އުސޫލުތައް؛
  10. ބަނދަރުން ތަކެތި ނެގުމާއި ސާފުކޮށް، ބެލެހެއްޓުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް؛
  11. ބަނދަރުގައި ދޫކޮށްލާފައި ހުންނަ ތަކެއްޗާމެދު އަމަލުކުރާނެ ގޮތުގެ އުސޫލުތައް.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 33 ވަނަ މާއްދާގެ (ށ) ގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) މި މާއްދާގެ ދަށުން ހަދާ ގަވާއިދުތަކުގައި، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.


5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 33 ވަނަ މާއްދާގެ (ށ) ގެ (9) ވަނަ ނަންބަރުގެ ފަހަތަށް، އަންނަނިވި ފަދައިން ނަންބަރެއް އިތުރުކުރުން.

(10) މުނިފޫހިފިލުވުމަށް ނުވަތަ ކުޅިވަރުގެ ގޮތުގައި ކުރާ މަސްވެރިކަމުގެ ހަރަކާތްތަކާއި، ކަމާގުޅޭ ފެސިލިޓީތައް ތަރައްގީކޮށް، ހިންގުމާގުޅޭ އުސޫލުތައް ހެދުން.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 50 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

އެކުއަކަލްޗަރކުރުމަށް ސަރަހައްދުތައް ކުއްޔަށްދޫކުރުން 50.

(ހ) މި ބާބުގައި ބަޔާންކުރާ އެކުއަކަލްޗަރކުރުމާއި، އެކުއަކަލްޗަރކުރުމާ ގުޅުންހުރި ހަރަކާތްތައް ހިންގުމަށްޓަކައި އަންނަނިވި ސަރަހައްދުތަކުން މިނިސްޓްރީއަށް ތަންތަން ކުއްޔަށްދޫކުރެވިދާނެއެވެ.

(1) މަސްވެރިކަމުގެ ބޭނުމަށް އެކަށައެޅިފައިވާ ފަޅުރަށްރަށުން؛

(2) މަސްވެރިކަމުގެ ބޭނުމަށް އެކަށައެޅިފައިވާ ފަޅުގެ ނުވަތަ ކަނޑުގެ ސަރަހައްދުތަކުން.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ފަޅުރަށްރަށް ކުއްޔަށްދޫކުރާނީ، ފަޅުރަށާއި ފަޅު ކުއްޔަށްދިނުމާބެހޭ ގާނޫނުގައިވާ ގޮތުގެމަތިންނެވެ.

(ނ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ކުއްޔަށްދޫކުރެވޭ ފަޅުގެ ސަރަހައްދުތައް ކުއްޔަށްދޫކުރާނީ ފަޅުރަށާއި ފަޅު ކުއްޔަށްދިނުމާބެހޭ ގާނޫނުގައިވާ ގޮތުގެމަތިންނެވެ.

(ރ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ކުއްޔަށްދޫކުރެވޭ ކަނޑުގެ ސަރަހައްދުތައް ކުއްޔަށްދޫކުރާނީ، ފަޅުރަށާއި ފަޅު ކުއްޔަށްދިނުމާބެހޭ ގާނޫނުގައި ފަޅު ކުއްޔަށްދޫކުރުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ،

(ބ) މި މާއްދާގެ (ށ) ގެ ދަށުން ކުއްޔަށްދޫކުރެވޭ ސަރަހައްދުތަކުން ކުލި ނަގާނީ އަންނަނިވި ގޮތުގެމަތިންނެވެ.

(1) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ފަޅުރަށްރަށުގެ ބިމުގެ ސަރަހައްދުތަކުން އަކަމީޓަރަކަށް، އަހަރަކަށް 2 (ދޭއް) ރުފިޔާ 50 (ފަންސާސް) ލާރި؛

(2) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ފަޅުގެ އަދި ކަނޑުގެ ސަރަހައްދުތަކުން އަކަމީޓަރަކަށް، އަހަރަކަށް 50 (ފަންސާސް) ލާރި.

(ޅ) މި މާއްދާގެ (ށ) ގެ ދަށުން ކުއްޔަށްދޫކުރެވޭ ސަރަހައްދުތަކަކީ ކޮބައިކަމާއި އެ ސަރަހައްދުތައް އާންމުންގެ ބޭނުމަށް ބޭނުންކުރުމަކީ މަނާކަމެއްކަމުގައި ކަނޑައަޅައި، އެކަން މިނިސްޓްރީން އާންމުކޮށް އަންގަންވާނެއެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 65 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ބޮންޑް ނުވަތަ ސެކިއުރިޓީ ޑިޕޮޒިޓެއް ބެހެއްޓުމަށްފަހު ހިފެހެއްޓި އެއްޗެއް ދޫކޮށްލުން 65.

(ހ) މި ގާނޫނުގެ ދަށުން، ހިފެހެއްޓޭ އުޅަނދެއް ނުވަތަ އެކުއަކަލްޗަރ ފެސިލިޓީއެއް ނުވަތަ މަސްވެރިކަމުގައި ބޭނުންކުރާ އާލާތެއް ނުވަތަ އެނޫންވެސް އެހެން އެއްޗެއް ދޫކޮށްދިނުމަށް އެދި، އެ އުޅަނދެއް ނުވަތަ އެއްޗެއްގެ ވެރިފަރާތުން ހުށަހެޅުމުން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އަދަދެއްގެ ބޮންޑެއް ނުވަތަ އެފަދަ އެހެން ސެކިއުރިޓީ ޑިޕޮޒިޓެއް މާލިއްޔަތާބެހޭ މިނިސްޓްރީގައި ބެހެއްޓުމަށްފަހު، ހިފެހެއްޓުނު އުޅަނދެއް ނުވަތަ އެއްޗެއް ދޫކޮށްލެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ނެގޭ ބޮންޑް ނުވަތަ ސެކިއުރިޓީ ޑިޕޮޒިޓްގެ އަދަދު ކަނޑައެޅުމާއި، އެ ބޮންޑް ނުވަތަ ސެކިއުރިޓީ ޑިޕޮޒިޓް ނެގުމާގުޅޭ އުސޫލުތަކާއި، ހިފެހެއްޓިފައިވާ އުޅަނދެއް ނުވަތަ އެއްޗެއް ދޫކޮށްލުމުގައި އަމަލުކުރާނެ އުސޫލުތަކާއި އިޖުރާއަތުތައް، މި ގާނޫނުގައި ބަޔާންކުރާ ތަންފީޛީ އިދާރާތަކުގެ މަށްވަރާއާއެކު، މިނިސްޓްރީން އެކުލަވާލައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 66 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ބޮންޑްކުރެވޭނެ ށަރުތުތައް 66.

މި ގާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގެ ދަށުން ނެގޭ ބޮންޑް ނުވަތަ ސެކިއުރިޓީ ޑިޕޮޒިޓެއްގައި އަންނަނިވި ށަރުތުތައް ހިމަނަންވާނެއެވެ.

(ހ) އެ ފަރާތާމެދު، ތުހުމަތުކުރެވުނު ގާނޫނާ ހިލާފު އަމަލު އެ ފަރާތުގެ މައްޗަށް ސާބިތުނުވެއްޖެނަމަ އެ ބޮންޑް ނުވަތަ ސެކިއުރިޓީ ޑިޕޮޒިޓް އަނބުރާ އެ ފަރާތަކަށް ރައްދުކުރުން؛

(ށ) އެ ފަރާތާމެދު، ތުހުމަތުކުރެވޭ ގާނޫނާ ހިލާފު އަމަލު އެ ފަރާތުގެ މައްޗަށް ސާބިތުވެގެން ދައުލަތަށް އެއްވެސް ޖޫރިމަނާއެއް ދައްކަންޖެހިއްޖެނަމަ އެ ބޮންޑް ނުވަތަ ސެކިއުރިޓީގެ ގޮތުގައި އެ ފަރާތުން ބަހައްޓާފައިވާ އަދަދުން، އެ ފައިސާ އުނިކުރުން؛

(ނ) މި މާއްދާގެ (ށ) ގެ ދަށުން، ފައިސާ އުނިކުރުމަށްފަހުގައި، ބޮންޑް ނުވަތަ ސެކިއުރިޓީގެ ގޮތުގައި ބާކީ ފައިސާއެއް ހުރިނަމަ، އެ ފައިސާ 14 (ސާދަ) ދުވަހުގެ ތެރޭގައި، އަނބުރާ، އެ ފަރާތަކަށް ރައްދުކުރުން.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 67 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން

ބޭރުގެ އުޅަނދުފަހަރާމެދު އަމަލުކުރާނެ ހާއްސަ އުސޫލުތައް ކަނޑައެޅުން 1-67.

(ހ) މި ގާނޫނުގެ ދަށުން މަނާކޮށްފައިވާ ހަރަކާތެއް ހިންގުމުގެ ސަބަބުން މި ގާނޫނުގެ ދަށުން އިދާރީ، ފިޔަވަޅު އަޅާ ބޭރުގެ އުޅަނދުފަހަރު، ނިސްބަތްވާ ފްލެގް ސްޓޭޓަކީ، ކަމާގުޅޭ އެއްބަސްވުމެއް ދިވެހިރާއްޖެއާއެކު ވެފައިވާ ގައުމެއްނަމަ އެ އެއްބަސްވުމުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި، އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިން އެފަދަ އުޅަނދަކާމެދު އަމަލުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އެއްބަސްވުން ވާންވާނީ، މި ގާނޫނާ ހިލާފުވެގެން ހިފަހައްޓާ ބޭރުގެ އުޅަނދުފަހަރާމެދު، ދިވެހިރާއްޖެއިން އަޅާ ފިޔަވަޅުތައް ފްލެގް ސްޓޭޓުން ތަންފީޛުކޮށްދިނުމާގުޅޭ އުސޫލުތަކާއި އިޖުރާއަތުތައް ކަނޑައަޅާ އެއްބަސްވުމެއް ކަމުގައެވެ. އަދި އެ އެއްބަސްވުމުގައި، މަދުވެގެން އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

(1) އުޅަނދު ހިފެހެއްޓުމަށް ނިންމައިފިނަމަ އުޅަނދު ފްލެގް ސްޓޭޓާ ހަވާލުކުރުމާގުޅޭ އުސޫލުތައް؛

(2) އުޅަނދާމެދު އަޅާ އިދާރީ ފިޔަވަޅު ފްލެގް ސްޓޭޓް މެދުވެރިކޮށް ތަންފީޛުކުރުމާގުޅޭ އުސޫލުތައް؛

(3) އުޅަނދަށް ކުރާ ޖޫރިމަނާގެ ފައިސާގެ ތެރެއިން އުޅަނދުން ފްލެގް ސްޓޭޓަށް ހަވާލުކުރާ ފައިސާ، ޖޫރިމަނާކުރި ގައުމާ ހަވާލުކުރުމާގުޅޭ އުސޫލުތައް؛

(4) އުޅަނދަށް ކޮށްފައިވާ ޖޫރިމަނާގެ ފައިސާ ދައްކައި ހަލާސްކުރުމާ ހަމައަށް ފްލެގް ސްޓޭޓުން އެ އުޅަނދަކަށް ދީފައިވާ މަސްވެރިކަންކުރުމުގެ ހުއްދައާމެދު އަމަލުކުރަންޖެހޭ އުސޫލުތައް.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާފަދަ އެއްބަސްވުމެއްގެ ދަށުން ބޭރުގެ އުޅަނދަކާމެދު އަޅާ އިދާރީ ފިޔަވަޅު ތަންފީޛުކުރުމަށްޓަކައި އެ އުޅަނދެއް ފްލެގް ސްޓޭޓާ ހަވާލުކުރެވޭނީ، އެ އުޅަނދަކަށް ކޮށްފައިވާ ޖޫރިމަނާގެ 1/3 (ތިންބައިކުޅަ އެއްބައި) ދައުލަތަށް ދެއްކުމުންނެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 73 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި ފަރާތެއްގެ އަދަބަކީ، 400,000 (ހަތަރުލައްކަ) ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމެވެ. އަދި އެ ކުށެއް ކުރި އުޅަނދުގެ މާސްޓަރު، ވެރިފަރާތް އަދި އޮޕަރޭޓަރުވެސް ހިމެނޭގޮތުން އެއިން ކޮންމެ ފަރާތެއް ވަކިވަކިން 400,000 (ހަތަރުލައްކަ) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 74 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި ފަރާތެއްގެ އަދަބަކީ، 200,000 (ދެލައްކަ) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 75 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި ފަރާތެއްގެ އަދަބަކީ، 200,000 (ދެލައްކަ) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 76 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި ފަރާތެއްގެ އަދަބަކީ، 2,000,000 (ދެމިލިއަން) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 77 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ހިމާޔަތްކުރެވިފައިވާ މަހުގެ ބާވަތްތަކުގެ މަސްވެރިކަންކުރުން 77.

(ހ) މި ގާނޫނާ ހިލާފަށް، ހިމާޔަތްކުރެވިފައިވާ މަހުގެ ބާވަތްތަކުގެ މަސްވެރިކަންކުރުމަކީ ނުވަތަ ހިމާޔަތްކުރެވިފައިވާ ސަރަހައްދަކުން އެއްވެސް ބާވަތެއްގެ މަސްވެރިކަންކުރުމަކީ ކުށެކެވެ. 

(ށ) މި ގާނޫނާ ހިލާފަށް، ހިމާޔަތްކުރެވިފައިވާ މަހުގެ އެއްވެސް ބާވަތެއް ނުވަތަ އެފަދަ މަހެއްގެ ބައެއް ނުވަތަ އުފެއްދުމެއް އެކްސްޕޯޓްކުރުމަކީ ނުވަތަ ކުރަން އުޅުމަކީ ކުށެކެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 500,000 (ފަސްލައްކަ) ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 1,000,000 (އެއްމިލިއަން) ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.

 

15 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 78 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން ތިން މާއްދާ އިތުރުކުރުން.

މަސްވެރިކަމުގެ ފެސިލިޓީތަކާއި ވަސީލަތްތަކަށް ގެއްލުން ދިނުން 1-78.

(ހ) މި ގާނޫނުގެ ދަށުން ގާއިމުކޮށްފައިވާ މަސްވެރިކަމުގެ ފެސިލިޓީތަކާއި ވަސީލަތްތަކަށް ގެއްލުން ދިނުމަކީ މަނާކަމެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 200,000 (ދެލައްކަ) ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.

 

ގާނޫނީ ށަހްސުތަކުން ކުށްކުރުން 2-78.

(ހ) މި ގާނޫނުގައި، ކުށެއް ކަމުގައި ކަނޑައަޅާފައިވާ ކަމެއް ކުރީ ގާނޫނީ ށަހްސަކުން ކަމުގައިވާނަމަ، ނުވަތަ އެކަން ކުރީ، އެ ގާނޫނީ ށަހްސެއްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއް، ނުވަތަ އެ ށަހްސު ހިންގުމުގެ މަސްއޫލިއްޔަތު ހަވާލުވެފައިވާ މީހެއްގެ ރުހުމާއެކު ނުވަތަ އެއިން މީހަކަށް އެނގިހުރެ ކަމުގައިވާނަމަ އެކަމެއް ކުރި މީހާއާއި އެ މީހަކު ނިސްބަތްވާ ގާނޫނީ ށަހްސުވެސް އެ ކުރަނީ ހަމަ އެ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި ފަރާތެއްގެ އަދަބަކީ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، 100,000 (އެއްލައްކަ) ރުފިޔާއާއި 5,000,000 (ފަސްމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

އަދަބު ކަނޑައެޅިފައިނުވާ ކަންކަމާއި ގަވާއިދާ ހިލާފު އަމަލުތަކަށް ޖޫރިމަނާ ކަނޑައެޅުން 3-78.

(ހ) މި ގާނޫނުގައި މަނާކަމަށް ކަނޑައަޅާފައިވާ ކަމެއް، އެ ކަމަކީ، މި ގާނޫނުގައި އަދަބު ކަނޑައެޅިފައިނުވާ އެ ކަމަކަށް ވަކި އަދަބެއް ކަނޑައަޅާފައިނުވާ ކަމެއް ކަމުގައިވާނަމަ، ހިލާފު އަމަލުތަކަށް އެ ކަމަކަށާއި، މި ގާނޫނު ތަންފީޛުކުރުމުގެ ގޮތުން މި ގާނޫނުގެ ދަށުން ޖޫރިމަނާ ކަނޑައެޅުން ހަދާ ގަވާއިދުތަކުގައި ކަނޑައަޅާފައިވާ ކަންކަމާ ހިލާފުވާ ފަރާތްތަކަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ޖޫރިމަނާގެ އަދަބު ކަނޑައެޅުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އަދަބު ކަނޑައެޅުމުގައި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ކަނޑައަޅާފައިވާ ކަންކަމާ ހިލާފުވާ ފަރާތްތައް، އެ ފަރާތްތަކުން ކުރާ އަމަލުގެ ބާވަތަށާއި އެ އަމަލުގެ ކުޑަބޮޑުމިނަށް ރިއާޔަތްކޮށް، 5,000 (ފަސްހާސް) ރުފިޔާއާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

16 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 79 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޖޫރިމަނާކުރުމުގެ އުސޫލު 79.

(ހ) މި ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ޖޫރިމަނާގެ އަދަބުތައް ކަނޑައެޅުމުގައާއި، މި ގާނޫނުގެ 3-78 ވަނަ މާއްދާގެ ދަށުން ކަނޑައަޅާ ޖޫރިމަނާގެ އަދަބުތައް ކަނޑައެޅުމުގައި، މިނިސްޓްރީން އަމަލުކުރާނެ އިޖުރާއަތު، އަދި ކަމުގެ ކުޑަބޮޑުމިނަށް ބަލައި ޖޫރިމަނާ ކަނޑައެޅުމުގައި، ރިއާޔަތްކުރެވޭނެ ކަންކަން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި މިނިސްޓްރީން ކަނޑައަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ޖޫރިމަނާ ކަނޑައެޅުމުގައި ރިއާޔަތްކުރެވޭނެ ކަންކަން އެކުލެވޭ ގަވާއިދުގައި ކަނޑައެޅުމުގައި، މަދުވެގެން، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

(1) ހިލާފުވި އަމަލުގެ ނުރައްކާތެރިކަމާއި އެއިން ކުރި އަސަރާއި، ވަކިން ހާއްސަކޮށް އެ ހިލާފުގެ ސަބަބުން، ހިމާޔަތްކުރެވިފައިވާ ތަންތަނާއި، ކަންކަމާއި އެއްޗެއްސަށާއި ތިމާވެއްޓަށް ކުރި އަސަރު؛

(2) މިނިސްޓްރީގެ ސަމާލުކަމަށް އެ ހިލާފެއް ގެނައުމުގައި، އަދި އެ ހިލާފު އިސްލާހުކުރުމުގައި، ލައިސަންސް ނުވަތަ ހުއްދަ ދޫކުރެވިފައިވާ ފަރާތުން ދީފައިވާ ސަމާލުކަމާއި އެއްބާރުލުމުގެ މިންވަރު؛

(3) މިނިސްޓްރީގެ ސަމާލުކަމަށް އެ ހިލާފެއް ގެނައުމަށް ނުވަތަ އެކަމާ ގުޅިގެން ކުރާ މަސައްކަތަކަށް އެ ފަރާތުން ހުރަސްއަޅާފައިވޭތޯ ނުވަތަ މިނިސްޓްރީން އެދޭ ކަމަކަށް އެ ފަރާތުން އިޖާބަ ނުދީވޭތޯ؛

(4) މި ގާނޫނާއި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަނޑައަޅާފައިވާ ޒިންމާތައް އަދާކުރުމުގައި ލައިސަންސް ނުވަތަ ހުއްދަ ދޫކުރެވިފައިވާ ފަރާތެއްގެ އޮތް ރަނގަޅު ނިޔަތް، ނުވަތަ އެ ފަރާތުން އެއިން ކަމެއްގައި ގަސްދުގައި އޮޅުވާލިކަމުގެ ހެކި ހުރި މިންވަރު؛

(5) ހިލާފުވި އަމަލުގެ ސަބަބުން އެ ފަރާތަށް ލިބޭނެ ފައިދާ؛

(6) ހިލާފުވި އަމަލުގެ ސަބަބުން، މިނިސްޓްރީން ނުވަތަ ކަމާބެހޭ ފަރާތަކުން ވަގުތީ ނުވަތަ އަވަސް ފިޔަވަޅު އަޅަންޖެހުންކަން ނުވަތަ ނޫންކަން؛

(7) ލައިސަންސް ނުވަތަ ހުއްދަ ދޫކުރެވިފައިވާ ފަރާތުން އެ ހިލާފު ތަކުރާރުކޮށްފައިވޭތޯއާއި ތަކުރާރުކޮށްފައިވާނަމަ ތަކުރާރުކުރީ ކިހާ ކައިރިކައިރީގައިކަން އަދި ހިލާފު ދެމިއޮތީ ކިހާ މުއްދަތަކަށްކަން؛

(8) ލައިސަންސް ނުވަތަ ހުއްދަ ދޫކުރެވިފައިވާ ފަރާތާމެދު ކުރިން އަޅާފައިވާ ފިޔަވަޅެއް، ނުވަތަ ކޮށްފައިވާ ޖޫރިމަނާއެއްވާނަމަ، އެކަން؛

(9) އެއް ބާވަތެއްގެ ކަމަކާ ގުޅިގެން އަދި އެއް ގާނޫނީ އަސާސަކަށް ބިނާކޮށް މިނިސްޓްރީން ކުރިން އަޅާފައިވާ ފިޔަވަޅުތަކަށް، ފަހުން ފިޔަވަޅު އެޅުމުގައި ރިއާޔަތްކޮށް ހަމަހަމަ އުސޫލެއް ގެންގުޅުން.

 

17 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 80 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

އިދާރީ ފިޔަވަޅު އެޅުމުގެ ނޯޓިސް ދިނުމާއި ފިޔަވަޅު މުރާޖައާކުރުން 80.

(ހ) މި ގާނޫނުގެ ދަށުން އެއްވެސް ފަރާތަކާމެދު އިދާރީ ފިޔަވަޅު އަޅަންވާނީ، އެކަމުގެ ނޯޓިސް ދިނުމާއެކު، އެކަމާ ގުޅިގެން ޖަވާބުދާރީވުމަށް އެކަށީގެންވާ ފުރުސަތެއް ދިނުމަށްފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ޖަވާބުދާރީވުމަށް ދެވޭ ނޯޓިހުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ:

(1) ހިލާފުވި އަމަލާއި އަމަލުގެ ބާވަތް؛

(2) އަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ ތާރީހު ނުވަތަ މުއްދަތު؛

(3) އެ ފަރާތުން ހިންގި އަމަލާ ގުޅިގެން އެޅޭ ފިޔަވަޅު؛

(4) އެ ފަރާތުން ހިންގި އަމަލާ ގުޅިގެން ވަކި ކަމެއް އިސްލާހުކުރަންޖެހޭނަމަ، އެކަމެއް އިސްލާހުކުރުމަށް ދެވޭ މުއްދަތު؛

(5) އެ އިދާރީ ފިޔަވަޅު ކަނޑައެޅުމުގައި މިނިސްޓްރީން ރިއާޔަތްކުރި އެންމެހައި ކަންކަން.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ދެވޭ ނޯޓިހާ ގުޅިގެން އެ ނޯޓިސް ރައްދުވާ ފަރާތުން ދޭ ޖަވާބަށް ރިއާޔަތްކުރުމަށްފަހު، އެ ފަރާތާމެދު އިދާރީ ފިޔަވަޅު އެޅުމަށް މިނިސްޓްރީން ނިންމައިފިނަމަ، މި މާއްދާގެ (ރ) ގައި ބަޔާންކުރާ މައުލޫމާތު ހިމެނޭގޮތުން އެ ފަރާތަށް އިދާރީ ފިޔަވަޅު އެޅުމުގެ ނޯޓިހެއް ފޮނުވަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން، ދެވޭ ނޯޓިހާމެދު އެ ނޯޓިސް ރައްދުވާ ފަރާތުން ހިތްހަމަނުޖެހިއްޖެނަމަ، ނޯޓިސް ލިބޭ ތާރީހުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އެ ނޯޓިސް މުރާޖައާކޮށްދިނުމަށް އެދި މިނިސްޓްރީއަށް މައްސަލަ ހުށަހެޅިދާނެއެވެ.

(ބ) މި މާއްދާގެ (ރ) ގެ ބޭނުމަށްޓަކައި، މި މާއްދާގެ (ނ) ގެ ދަށުން ދެވޭ އިދާރީ ފިޔަވަޅު އެޅުމުގެ ނޯޓިސް މުރާޖައާކުރުމަށްޓަކައި، މިނިސްޓްރީގައި މުރާޖައާ ކޮމިޓީއެއް އެކުލަވާލާފައި އޮންނަންވާނެއެވެ. އެގޮތުން އެކުލަވާލާ ކޮމިޓީން މި މާއްދާގެ (ރ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމަކާމެދު 14 (ސާދަ) ދުވަހުގެ ތެރޭގައި ގޮތެއް ނިންމައި، އެކަން މައްސަލަ ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ.

(ޅ) މި މާއްދާގެ (ނ) ގެ ދަށުން ދެވޭ އިދާރީ ފިޔަވަޅު އެޅުމުގެ ނޯޓިސް މުރާޖައާކުރުމަށް އެކުލަވާލާ ކޮމިޓީ އެކުލެވިގެންވާ ގޮތާއި، އެ ކޮމިޓީ ހިންގުމުގެ އުސޫލުތަކާއި، މުރާޖައާކޮށްދިނުމަށް އެދި ހުށަހަޅާނެ ގޮތުގެ އިޖުރާއަތުތަކާއި، މުރާޖައާކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

18 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 80 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން ދެ މާއްދާ އިތުރުކުރުން.

އިދާރީ ފިޔަވަޅުގެ މައްސަލަ ކޯޓަށް ހުށަހެޅުމާއި އިދާރީ ފިޔަވަޅު ތަންފީޛުކުރުން 1-80.

(ހ) މި ގާނޫނުގެ ދަށުން އަޅާ އިދާރީ ފިޔަވަޅާ ގުޅޭގޮތުން، މި ގާނޫނުގެ 80 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ މުރާޖައާ ކޮމިޓީން ނިންމާ ނިންމުމާމެދު ފިޔަވަޅު ރައްދުވާ ފަރާތުން ހިތްހަމަނުޖެހިއްޖެނަމަ، ކޮމިޓީގެ ނިންމުން ލިބޭ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ކަމާބެހޭ ކޯޓަކަށް މައްސަލަ ހުށަހެޅުމުގެ ހައްގު އެ ފަރާތަށް ލިބިގެންވެއެވެ.

(ށ) މި ގާނޫނުގެ 80 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދައިން، މުރާޖައާ ކޮމިޓީއަށް މައްސަލަ ހުށަހަޅަން ބޭނުންނުވާ ފަރާތްތަކުން އަދިނުވަތަ މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން ކޯޓަށް މައްސަލަ ހުށަހަޅަން ބޭނުންނުވާ ފަރާތަކުން، އިދާރީ ފިޔަވަޅުގެ ނޯޓިސް ނުވަތަ މުރާޖައާ ކޮމިޓީގެ ނިންމުން އެ ފަރާތަށް ލިބޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ކަނޑައަޅާފައިވާ ޖޫރިމަނާގެ ފައިސާ މިނިސްޓްރީއަށް ދައްކައި ހަލާސްކުރަންވާނެއެވެ. އަދި އެ މުއްދަތުގައި، އެ ފަރާތުން، އެ ފައިސާ ދައްކާފައިނުވާނަމަ، އެ ފައިސާއަކީ ދައުލަތަށް ދައްކަންޖެހޭ ދަރަންޏެއްކަމުގައި ބަލައި، އެ ފައިސާ ހޯދުމަށްޓަކައި، ކަމާބެހޭ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ ކަމާބެހޭ ކޯޓަކަށް އެ މައްސަލަ ހުށަހަޅަންވާނެއެވެ.

 

ޖިނާއީ ދައުވާ އުފުލުމަށް ހުރަހެއް ނެތުން 2-80.

(ހ) މި ގާނޫނުގައި، ވަކި ފަރާތަކުން ކޮށްގެންނުވާނެ ކަމަށް ބަޔާންކޮށްފައިވާ އަމަލެއް، ނުވަތަ ޖިނާއީ ކުށެއް އެކުލެވޭ ކަމަކީ، ގާނޫނެއްގެ ދަށުން ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅާފައިވާ ކަމެއް ކަމުގައިވާނަމަ، އެފަދަ އަމަލެއް ކުރާ ފަރާތަކާމެދު މި ގާނޫނުގެ ދަށުން ކަނޑައެޅޭ އިދާރީ ފިޔަވަޅެއް ކަނޑައެޅުމުގެ އިތުރުން، ކަމާބެހޭ ގާނޫނުގެ ދަށުން، އެ ފަރާތެއްގެ މައްޗަށް އެ ކުށުގެ ޖިނާއީ ދައުވާ އުފުލުމަކަށް މި ގާނޫނު ހުރަހެއްނާޅައެވެ.

(ށ) އެއްވެސް ފަރާތަކާމެދު މިނިސްޓްރީން ފިޔަވަޅު އެޅުމުގައި، ނުވަތަ އެ ފަރާތަކުން ކުރި އަމަލެއް ބެލުމުގައި، އެ ފަރާތަކުން މި ގާނޫނާ ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދަކާ ހިލާފަށް ކުރާ އަމަލެއްގައި ޖިނާއީ ކުށެއް އެކުލެވިގެންވާ ކަމަށް، އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް، މިނިސްޓްރީއަށް ގަބޫލުކުރެވިއްޖެނަމަ، އެކަން ތަހްގީގުކުރުމަށް ކަމާބެހޭ ގާނޫނު ތަންފީޛުކުރާ އިދާރާއަށް، މިނިސްޓްރީން ހުށަހަޅަންވާނެއެވެ.

 

19 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 88 ވަނަ މާއްދާގެ (ރރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ރރ) "މުނިފޫހިފިލުވުމަށް" ނުވަތަ ކުޅިވަރުގެ ގޮތުގައި ކުރާ "މަސްވެރިކަން" ކަމަށް ބުނެފައި އެވަނީ، އަމިއްލަ ބޭނުމަށާއި އިގްތިސާދީ ގޮތުން މަންފާ ހޯދުމަށްޓަކައި ވިއްކުމާއި، އެކްސްޕޯޓްކުރުންފަދަ ބޭނުމެއް ނުހިމެނޭގޮތަށް މުނިފޫހިފިލުވުމުގެ ގޮތުންނާއި ކުޅިވަރުގެ ބޭނުމަށް ކުރާ މަސްވެރިކަމަށެވެ. އޭގެ ތެރޭގައި އާމްދަނީ ހޯދުމުގެ ގޮތުން، ސީދާ މުނިފޫހިފިލުވުމަށް ނުވަތަ ކުޅިވަރަށް އަމާޒުކޮށްގެން ހިންގާ ހަރަކާތްތަކާއި ހިދުމަތްތައް ހިމެނެއެވެ.

 

20 ވަނަ މާއްދާ -

މި ގާނޫނުން ބުނެވިދިޔަ ގާނޫނަށް ގެނެވޭ އިސްލާހުތަކާ ގުޅިގެން އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް ގެންނަންޖެހޭ އިސްލާހުތަކާއި، އަލަށް އެކުލަވާލަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

21 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
 

މައި ގާނޫނު

މަސްވެރިކަމުގެ ގާނޫނު (ގާނޫނު ނަންބަރު 2019-14)

 

ކޮންސޮލިޑޭޓެޑް ގާނޫނު

މަސްވެރިކަމުގެ ގާނޫނު (ކޮންސޮލިޑޭޓެޑް ނަންބަރު 2019-14) 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު