-

ގާނޫނުލްއުގޫބާތު (ގާނޫނު ނަންބަރު 2014-09) އަށް 4 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2021-04)

(މި ގާނޫނަށް އަމަލުކުރަން ފެށީ 6 މޭ 2021 ގައި)

(މި ގާނޫނުގެ 5ވަނަ މާއްދާއިން ވަނީ ގާނޫނު ނަންބަރު 2000-02 އުވާލެވިފައި)

ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 510 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

 

ރިށްވަތު

510. ރިށްވަތު

(ހ) ކުށް ކަނޑައެޅުން

އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލު ކުރާ މީހާ، އެކުރަނީ ކުށެކެވެ:

  1. ދައުލަތުގެ މުވައްޒަފަކަށްވެހުރެ، އޭނާއަށް ނުވަތަ އެހެން މީހަކަށް ނުވަތަ ފަރާތަކަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ވިޔަސް މަންފާއެއް ހޯދުމަށް އެދުމާއި ނުވަތަ އަމުރުކުރުމާއި، ނުވަތަ ބަލައިގަތުމާއި ނުވަތަ ގަބޫލުކުރުމާއި، ނުވަތަ ބަލައިގަތުމަށް ނުވަތަ ގަބޫލުކުރުމަށް އެއްބަސްވުމާއެކު؛ އަދި
  2. އެ އަމަލެއް ހިންގާފައިވަނީ، އެ މުވައްޒަފަކު ގާނޫނީގޮތުން އަދާކުރަންޖެހޭ ރަސްމީ ވާޖިބަކާ ހިލާފަށް ވަކި ކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް ނުފޫޒަކަށްވާގޮތަށް އެކަމުގެ މުގާބިލުގައިކަމަށްވުން.

(ށ) ރިށްވަތު ހުށަހެޅުން

އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލު ކުރާ މީހާ، އެކުރަނީ ކުށެކެވެ:

  1. ދައުލަތުގެ މުވައްޒަފަކަށް ނުވަތަ އެހެން މީހަކަށް ނުވަތަ ފަރާތަކަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ވިޔަސް މަންފާއެއް ލިއްބައިދިނުމާއި ނުވަތަ ހުށަހެޅުމާއި ނުވަތަ ލިއްބައިދިނުމަށް ނުވަތަ ހުށަހެޅުމަށް ވައުދުވުމާއެކު؛ އަދި
  2. އެ އަމަލު ހިންގާފައިވަނީ، އެ މުވައްޒަފަކު ގާނޫނީގޮތުން އަދާކުރަންޖެހޭ ރަސްމީ ވާޖިބަކާ ހިލާފަށް ވަކި ކަމެއް ކުރުމަށް ނުވަތަ ވަކި ކަމެއް ނުކޮށް ދޫކޮށްލުމަށް ނުފޫޒު ފޯރުވުމުގެ ނިޔަތުގައި ކަމަށްވުން.

(ނ) ބޭރު ދައުލަތެއްގެ ނުވަތަ ބައިނަލްއަގްވާމީ ޖަމްއިއްޔާއެއްގެ މުވައްޒަފަކަށް ހުށަހެޅުން

އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލު ކުރާ މީހާ، އެކުރަނީ ކުށެކެވެ:

  1. ބޭރު ދައުލަތެއްގެ މުވައްޒަފަކަށް ނުވަތަ ބައިނަލްއަގްވާމީ ޖަމްއިއްޔާއެއްގެ މުވައްޒަފަކަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ވިޔަސް މަންފާއެއް ލިއްބައިދިނުމާއި، ނުވަތަ ހުށަހެޅުމާއި ނުވަތަ ވައުދުވުމާއެކު؛ އަދި
  2. އެ އަމަލެއް ހިންގާފައިވަނީ، ބޭރު ދައުލަތުގެ މުވައްޒަފު ނުވަތަ ބައިނަލްއަގްވާމީ ޖަމްއިއްޔާގެ މުވައްޒަފު، ގާނޫނީގޮތުން އަދާކުރަންޖެހޭ ރަސްމީ ވާޖިބަކާ ހިލާފަށް ވަކި ކަމެއް ކޮށްގެން ނުވަތަ ނުކޮށް ދޫކޮށްލައިގެން އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް ހާސިލުކުރުމަށް ނުފޫޒުފޯރުވުމުގެ ނިޔަތުގައި ކަމަށްވުން.
    i. ބައިނަލްއަގްވާމީ ވިޔަފާރިއަކާ ގުޅޭގޮތުން، އެ ވިޔަފާރިއެއް ލިބިގަތުމަށްޓަކައި ނުވަތަ ދެމެހެއްޓުމަށްޓަކައި؛ ނުވަތަ
    ii. އެފަދަ ވިޔަފާރިއެއް ހިންގުމަށް މަންފާއެއް ލިބިގަތުމަށްޓަކައި.

(ރ) މާނަކުރުން

"ރަސްމީ ހައިސިއްޔަތު" ކަމަށް ބުނެފައި އެވަނީ ދައުލަތުގެ މުވައްޒަފަކު، ރަސްމީ ގޮތުން އަދާކުރަންޖެހޭ ދައުލަތުގެ ވާޖިބެއްގެ ދަށުން ކުރާ ކަންކަމަށާއި ނުކޮށް ދޫކޮށްލާ ކަންކަމަށެވެ. ނުވަތަ ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް މަންފާއެއް ދިނުމަށް ނުވަތަ ނުދިނުމަށް ދައުލަތުގެ މުވައްޒަފަކަށް، ލިބިދޭ ބާރުގެ ބޭނުންކުރުމަށާއި ބޭނުންނުކުރުމަށެވެ.

(ބ) ދަރަޖަކުރުން

މި މާއްދާގެ (ހ)، (ށ) އަދި (ނ) ގައި ބަޔާންކޮށްފައިވާ ކުށަކީ، ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ޤާނޫނުގެ 514 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން ހަތަރު މާއްދާ އިތުރުކުރުން.

 

ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް

515. ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް

(ހ) ކުށް ކަނޑައެޅުން

އަންނަނިވި ހާލަތްތަކުގައި، އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކުރާ މީހާ، އެކުރަނީ ކުށެކެވެ.

  1. ދައުލަތުގެ މުވައްޒަފެއްގެ މަގާމުގައި ހުރި މީހަކު، އޭނާ އަދާކުރި ވަޒީފާގައި ލިބެމުންދިޔަ ނުވަތަ އަދާކުރާ ވަޒީފާއިން ލިބެމުންދާ އާމްދަނީއާ ނުބައްދަލު މިންވަރަކަށް ދިރިއުޅުމުގެ ފެންވަރު ގާއިމުކޮށްފައިވުން ނުވަތަ އެފަދައިން ގާއިމުކުރާ ދިރިއުޅުމުގެ ފެންވަރު ދަމަހައްޓާފައިވުން؛ ނުވަތަ
  2. ދައުލަތުގެ މުވައްޒަފެއްގެ މަގާމުގައި ހުރި މީހަކު، އޭނާ އަދާކުރި ވަޒީފާގައި ލިބެމުންދިޔަ ނުވަތަ އަދާކުރާ ވަޒީފާއިން ލިބެމުންދާ އާމްދަނީއާ ނުބައްދަލު މިންވަރަކަށް އޭނާގެ ނަމުގައި ނުވަތަ އޭނާއާ އާއިލީ ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހެއްގެ ނަމުގައި މުދާ ނުވަތަ ފައިސާ ހޯދުން ނުވަތަ މިލްކުކުރުން ނުވަތަ އެއިން ފަރާތެއްގެ ކޮންޓްރޯލްގެ ދަށުގައި ބެހެއްޓުން؛ އަދި
  3. އެއްވެސް މީހެއްގެ ނަމުގައި، ނުވަތަ އޭނާއާ އާއިލީ ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހެއްގެ ނަމުގައިވާ މުދަލަކީ ނުވަތަ ފައިސާއަކީ ނުވަތަ ގާއިމުކޮށްފައިވާ ދިރިއުޅުމުގެ ފެންވަރަކީ، ޖިނާއީ ބޮޑު ކުށެއްގެ އަމަލުން ހޯދި ފައިސާއެއްކަމަށް ނުވަތަ މުދަލެއްކަމަށް ނުވަތަ ގާއިމުކޮށްފައިވާ ދިރިއުޅުމުގެ ފެންވަރެއްކަމަށް ގަބޫލުކުރުމަށް އެކަށީގެންވާ ހެކި ހުރުން؛ އަދި
  4. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރު، އަދި  (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މުދާ ނުވަތަ ފައިސާ ނުވަތަ ގާއިމުކޮށްފައިވާ ދިރިއުޅުމުގެ ފެންވަރަކީ، ގާނޫނު ހުއްދަކުރާ ގޮތުގެމަތިން ހޯދި މުދަލެއްކަން ނުވަތަ ފައިސާއެއްކަން ނުވަތަ ގާއިމުކޮށްފައިވާ ދިރިއުޅުމުގެ ފެންވަރެއްކަން އެމީހަކަށް އެކަށީގެންވާ މިންވަރަކަށް ސާބިތުކޮށްނުދެވުން.

(ށ) ދަރަޖަކުރުން

  1. މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ކުރީ، ރައީސުލްޖުމްހޫރިއްޔާކަމުގެ ނުވަތަ ވަޒީރުކަމުގެ ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ނުވަތަ ފަނޑިޔާރުކަމުގެ މަގާމެއްގައި ހުރި ފަރާތަކުން ކަމުގައިވާނަމަ، އެ ކުށަކީ ޖިނާޔަތުގެ 2 ވަނަ ދަރަޖައިގެ ކުށެކެވެ.
  2. އެނޫން ހާލަތްތަކުގައި އެ ކުށަކީ ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ.

 

ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށް 

516. ކުށް ކަނޑައެޅުން 

އަންނަނިވި ޙާލަތްތަކުގައި، އަންނަނިވި ޢަމަލު ކުރާ މީހާ، އެކުރަނީ ކުށެކެވެ: 

(ހ) ދައުލަތުގެ މުދާ ނުވަތަ ފައިސާ ބެލެހެއްޓުން ހަވާލުކުރެވިފައިވާ ނުވަތަ އެމީހެއްގެ ހަވާލުގައި ދައުލަތުގެ މުދާ ނުވަތަ ފައިސާ ހުރި ދައުލަތުގެ މުވައްޒަފަކު، ސީދާގޮތުގައި ނުވަތަ ނުސީދާގޮތުގައި، އޭނާގެ އަމިއްލަ ބޭނުމަށް ނުވަތަ އެހެން ފަރާތެއްގެ ބޭނުމަށް އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކުރުން؛

  1. އެ މުދަލެއް ނުވަތަ ފައިސާއެއް ޤާނޫނުގައި ހުއްދަވެގެންނުވާ ގޮތުގައި ނުވަތަ ބޭނުންކުރަން ހުއްދަކޮށްފައިވާ މަޤްޞަދު ނޫން މަޤްޞަދެއްގައި ބޭނުންކުރުން؛
  2. އެ ފައިސާ ޖަމާކުރަންޖެހޭ ތަނަކަށް، އެ ފައިސާ ޖަމާކުރަންޖެހޭ ވަގުތަށް، މަޤްބޫލު އުޒުރެއްނެތި އެ ފައިސާ ޖަމާނުކުރުން؛
  3. އެ މުދާ ނުވަތަ ފައިސާ ބޭނުންކުރި ގޮތް އަންގައިދިނުމަށް ޤާނޫނުގައި ހުއްދަ  އޮތް ފަރާތަކުން ކުރާ އަމުރާ އެއްގޮތްވާ ގޮތުގެމަތިން އެ ފައިސާ ޚަރަދުކުރި  ގޮތް ނުވަތަ ބޭނުންކުރި ގޮތް އަންގައި ނުދިނުން ނުވަތަ އަންގައި ނުދެވުން؛
  4. އެ ފައިސާ، އޭނާގެ އަމިއްލަ ފައިދާއަށް ނުވަތަ އެހެން މީހެއްގެ ފައިދާއަށް، ފައިސާއިން އަގުކުރެވޭ އެހެން އެއްޗަކަށް ބަދަލުކޮށް، އޭގެ އަސްލު ބަދަލުކުރުން.

(ށ) ދަރަޖަކުރުން 

މި ކުށަކީ، ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ.

 

ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ ކުށް

 

517. ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ ކުށް

(ހ) ކުށް ކަނޑައެޅުން

ދައުލަތުގެ މުވައްޒަފަކު، އޭނާގެ ރަސްމީ ވާޖިބު އަދާކުރުމުގައި، އެނގިހުރެ އަދި އެކަށީގެންވާ ސަބަބެއް ނެތި، އަންނަނިވި ހާލަތްތަކުގައި އެކުރަނީ ކުށެކެވެ.

  1. ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގެ ފައިދާ ދައުލަތަށް ނުލިބޭގޮތަކަށް އަމަލުކުރުން؛ ނުވަތަ
  2. ދައުލަތަށް ލިބެންއޮތް ފައިދާއަކަށް އުނިކަމެއް ލިބޭގޮތަށް އަމަލުކުރުން.

(ށ) ދަރަޖަކުރުން 

މި ކުށަކީ، ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ.

 

ނުފޫޒުން ވިޔަފާރިކުރުމުގެ ކުށް

518. ނުފޫޒުން ވިޔަފާރިކުރުމުގެ ކުށް

(ހ) ކުށް ކަނޑައެޅުން

އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލު ކުރާ މީހާ، އެކުރަނީ ކުށެކެވެ:

  1. ދައުލަތުގެ މުވައްޒަފަކަށް، ނުވަތަ އެނޫން މީހަކަށް ވިޔަސް، ސީދާގޮތުން ނުވަތަ ނުސީދާގޮތުން މަންފާއެއް ދިނުން ނުވަތަ ދިނުމަށް ހުށަހެޅުން ނުވަތަ ދިނުމަށް ވައުދުވުން؛ އަދި
  2. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަމަލުކޮށްފައިވަނީ، ދައުލަތުގެ އެ މުވައްޒަފުގެ، ނުވަތަ އެމީހަކުގެ މަގާމުގެ ނުވަތަ ހައިސިއްޔަތުގެ ސީދާ ނުވަތަ ނުސީދާ ނުފޫޒުގެ ބޭނުންކޮށްގެން ނުވަތަ އޮތްކަމަށް ބެލެވޭ ނުފޫޒެއްގެ ބޭނުންކޮށްގެން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށްކުރާ މީހާއަށް، ނުވަތަ އެހެން ފަރާތަކަށް ދައުލަތުގެ އިދާރާއަކުން ނުވަތަ އެހެން އިދާރާއަކުން ވިޔަސް މަންފާއެއް ހޯދުމަށް ނުފޫޒަކަށްވާގޮތަށް އެކަމުގެ މުގާބިލުގައިކަމަށްވުން.

(ށ) ދައުލަތުގެ މުވައްޒަފަކު ނުވަތަ އެނޫން މީހަކު ނުފޫޒުން ވިޔަފާރިކުރުމަށް ހުށަހެޅުން

ދައުލަތުގެ މުވައްޒަފަކު، ނުވަތަ އެނޫން މީހަކު، އަންނަނިވި ހާލަތްތަކުގައި އެކުރަނީ ކުށެކެވެ:

  1. މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ދައުލަތުގެ އެ މުވައްޒަފަށް، ނުވަތަ އެމީހާއަށް، ނުވަތަ އެނޫންވެސް ފަރާތަކަށް، މަންފާއެއް ލިބިގަތުމަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ވިޔަސް ހުށަހެޅުން ނުވަތަ ގަބޫލުކުރުން ނުވަތަ އެއްބަސްވުން؛ އަދި
  2. މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަމަލުކޮށްފައިވަނީ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ދައުލަތުގެ އެ މުވައްޒަފުގެ، ނުވަތަ އެމީހާގެ މަގާމުގެ ނުވަތަ ހައިސިއްޔަތުގެ ސީދާ ނުވަތަ ނުސީދާ ނުފޫޒުގެ ބޭނުންކޮށްގެން ނުވަތަ އޮތްކަމަށް ބެލެވޭ ނުފޫޒެއްގެ ބޭނުންކޮށްގެން، އެއްވެސް މީހަކަށް ނުވަތަ ފަރާތަކަށް ދައުލަތުގެ އިދާރާއަކުން ނުވަތަ އެހެން އިދާރާއަކުން ނަމަވެސް މަންފާއެއް ހޯދައިދިނުމުގެ މުގާބިލުގައިކަމަށްވުން.

(ނ) ދަރަޖަކުރުން

މި ކުށަކީ ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 515 ވަނަ މާއްދާ އެއީ އެ ގާނޫނުގެ 519 ވަނަ މާއްދާ ކަމުގައި ހަމަޖައްސައި، އެ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

 

މާނަކުރުން

519.މާނަކުރުން

(ހ) "ރަސްމީ ހައިސިއްޔަތު" އަށް ދީފައިވަނީ، މި ގާނޫނުގެ 510 ވަނަ މާއްދާގެ (ރ) ގައި ދީފައިވާ މާނަކުރުމެވެ.

(ށ) "ދައުލަތުގެ މުވައްޒަފު" އަށް ދީފައިވަނީ، މި ގާނޫނުގެ 533 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނަކުރުމެވެ.

(ނ) "މަންފާ" ކަމަށް ބުނެފައި އެވަނީ، ކޮރަޕްށަންގެ އަމަލަކާ ގުޅޭގޮތުން ނުވަތަ ކޮރަޕްށަންގެ ކުށަކާ ގުޅޭގޮތުން، ހޯދައިގަނެވޭ، ނުވަތަ ބަލައިގަނެވޭ، ނުވަތަ ދިނުމަށް ހުށަހަޅާ ނުވަތަ ދޭ ނުވަތަ ދިނުމަށް ބުނާ ނުވަތަ އަމުރުކުރާ، ނުވަތަ ބަލައިގަންނަ ނުވަތަ ބަލައިގަތުމަށް އެދޭ ނުވަތަ ބަލައިގަތުމަށް ހުށަހަޅާ ނުވަތަ ބަލައިގަތުމަށް އެއްބަސްވާ، އަންނަނިވި ކަންކަމުގެ ތެރެއިން ކަމަކަށް، ނުވަތަ އެއްޗެހީގެ ތެރެއިން އެއްޗަކަށެވެ.

  1. ހަދިޔާ؛
  2. ލޯނު؛
  3. ފީ؛
  4. އުޖޫރަ؛
  5. ޑިސްކައުންޓް؛
  6. ކޮމިށަން؛
  7. ފައިސާ ނުވަތަ ފައިސާއިން އަގުކުރެވޭ މުދާ؛
  8. ފައިސާއަކާ ގުޅޭގޮތުން ނުވަތަ މުދަލަކާ ގުޅޭގޮތުން އުފައްދައިދޭ ހައްގު ނުވަތަ މަސްލަހަތު؛
  9. ހުއްދަ އާމްދަނީ ފިޔަވައި އެހެން އެއްވެސް އެއްޗެއް؛
  10. މަގާމެއް ނުވަތަ ވަޒީފާއެއް ނުވަތަ ކޮންޓްރެކްޓެއް؛
  11. ތަނަކަށް އުފުލަންޖެހޭ މުދަލެއް އުފުލައިދިނުން؛
  12. ތަނަކަށް ދައްކަންޖެހޭ މާލީ ޒިންމާއަކުން ބަރީއަކޮށްދިނުން؛
  13. ދަރަނީގެ ޒިންމާއެއް ނިމުމަކަށް ގެނެސްދިނުން؛
  14. ލޯނެއް އަދާކޮށްދިނުން؛
  15. ތިމާ އަދާކުރަންޖެހޭ ވާޖިބެއް އަދާކޮށްދިނުން؛
  16. ތިމާ އަދާކުރަންޖެހޭ ދަރަންޏެއް އަދާކޮށްދިނުން ނުވަތަ އެއިން ބައެއް އަދާކޮށްދިނުން؛
  17. ތިމާ ހޯދާ މުދަލަކަށް ނުވަތަ ހިދުމަތަކަށް ދައްކަންޖެހޭ އަގު ނޫން ކުޑަ އަގެއް ދައްކަންޖެހުން؛
  18. ބޭނުންކުރެވެން އޮތް ހައްގެއް ބޭނުންނުކޮށް ދޫކޮށްލުން؛
  19. ބޭނުންކުރެވެން އޮތް ބާރެއް ބޭނުންނުކޮށް ދޫކޮށްލުން؛
  20. އެނޫންވެސް މަންފާ، ނުވަތަ ހިދުމަތް ނުވަތަ އެހީ.

(ރ) "ދައުލަތުގެ މުދާ" ކަމަށް ބުނެފައި އެވަނީ، ދިވެހި ދައުލަތުގެ ނަމުގައި ނުވަތަ ދިވެހިސަރުކާރުގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ މުދަލާއި، ރައްޔިތުންގެ މިލްކުގެ ގޮތުގައި ރައްޔިތުންގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ މުދަލާއި، ކައުންސިލުތަކުގެ މުދަލާއި، ދައުލަތުގެ ކުންފުނިތަކުގެ މުދަލާއި، މިލްކުވެރިއަކު ނެތް މުދަލުގެ ތެރެއިން ކަމާގުޅޭ ގާނޫނީ އުސޫލުތަކުގެ މަތިން ދައުލަތުގެ މުދަލުގެ ގޮތުގައި ބެލެވޭ މުދަލާއި، ކަމާގުޅޭ ގާނޫނީ އުސޫލުތަކުގެ މަތިން ދައުލަތަށް ނެގޭ މުދާ ހިމެނޭ ގޮތުންނެވެ.

(ބ) "ދައުލަތުގެ ފައިސާ" ކަމަށް ބުނެފައި އެވަނީ، ފައިސާއާއި، ފައިސާގެ ގޮތުގައި ބަދަލުކުރެވޭ ލިޔުމާއި ސެކިއުރިޓީޒްއާއި، އެފަދަ އެއްޗެހި ހިމެނޭގޮތުން، ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބޭ ޓެކުހާއި، ޑިއުޓީއާއި، ޖޫރިމަނާއާއި، ރޯޔަލްޓީއާއި، ކުއްޔާއި، ފީއާއި، ޗާޖާއި، އަގާއި، އެހެން ފަރާތަކަށްޓަކައި ނުވަތަ އެހެން ފަރާތެއްގެ ނަމުގައި ދައުލަތުގައި ބެހެއްޓިފައިވާ ފައިސާއާއި، ލޯނުގެ ފައިސާއާއި، ހަދިޔާގެ ގޮތުގައި އަދި އެނޫންވެސް އެއްވެސް ކަމަކާ ގުޅިގެން ދައުލަތަށް ލިބޭ ނުވަތަ ލިބެމުންދާ ނުވަތަ ލިބެންޖެހޭ ފައިސާވެސް ހިމެނޭގޮތުންނެވެ.

(ޅ) "ބޭރު ދައުލަތެއްގެ މުވައްޒަފު" ކަމަށް ބުނެފައި އެވަނީ، އިންތިހާބުކުރެވޭ މަގާމެއް ކަމުގައި ވީނަމަވެސް، ނުވަތަ އައްޔަންކުރެވޭ މަގާމެއް ކަމުގައި ވީނަމަވެސް، ނުވަތަ ދާއިމީ ވަޒީފާއެއް ކަމުގައި ވީނަމަވެސް، ނުވަތަ ވަގުތީ ވަޒީފާއެއް ކަމުގައި ވީނަމަވެސް، ނުވަތަ ކޮންޓްރެކްޓް އުސޫލުން ނުވަތަ އެނޫން އުސޫލަކުން ހަވާލުކުރެވޭ ވަޒީފާއެއް ކަމުގައި ވީނަމަވެސް، ބޭރު ގައުމެއްގެ ދައުލަތް ހިންގުމުގެ ބާރާއި، ގާނޫނު ހެދުމުގެ ބާރާއި، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ މަގާމުތަކުގައި ތިބޭ ފަރާތްތަކާއި އެތަންތަނުގެ މުވައްޒަފުންނާއި، ދައުލަތުގެ ކުންފުނިތަކުގެ މަގާމުތަކުގައި ތިބޭ ފަރާތްތަކާއި އެތަންތަނުގެ މުވައްޒަފުންނާއި، އެނޫންވެސް ބޭރު ގައުމެއްގެ ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ކޮންމެ މީހަކު ހިމެނޭ ގޮތުންނެވެ.

(ކ) "ބައިނަލްއަގްވާމީ ޖަމްއިއްޔާއެއްގެ މުވައްޒަފު" ކަމަށް ބުނެފައި އެވަނީ، ބައިނަލްއަގްވާމީ ޖަމްއިއްޔާއެއްގެ ވަޒީފާގައިވާ ފަރާތްތަކާއި އެފަދަ ޖަމްއިއްޔާއެއްގެ ފަރާތުން މަސައްކަތްކުރުމުގެ ބާރު ލިބިގެންވާ އެންމެހައި ފަރާތްތައް ހިމެނޭގޮތުންނެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 533 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

533. (ށ) "ދައުލަތުގެ މުވައްޒަފު" ކަމަށް ބުނެފައި އެވަނީ، އިންތިހާބުކުރެވޭ މަގާމެއް ކަމުގައި ވީނަމަވެސް، ނުވަތަ އައްޔަންކުރެވޭ މަގާމެއް ކަމުގައި ވީނަމަވެސް، ނުވަތަ ދާއިމީ ވަޒީފާއެއް ކަމުގައި ވީނަމަވެސް، ނުވަތަ ވަގުތީ ވަޒީފާއެއް ކަމުގައި ވީނަމަވެސް، ނުވަތަ ކޮންޓްރެކްޓް އުސޫލުން ނުވަތަ އެނޫން އުސޫލަކުން ހަވާލުކުރެވޭ ވަޒީފާއެއް ކަމުގައި ވީނަމަވެސް، ދައުލަތް ހިންގުމުގެ ބާރާއި، ގާނޫނު ހެދުމުގެ ބާރާއި، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ މަގާމުތަކުގައި ތިބޭ ފަރާތްތަކާއި އެތަންތަނުގެ މުވައްޒަފުންނާއި، މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި އެތަންތަނުގެ މުވައްޒަފުންނާއި، ދައުލަތުގެ ކުންފުނިތަކާއި ދައުލަތުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނިތަކުގެ މަގާމުތަކުގައި ތިބޭ ފަރާތްތަކާއި އެތަންތަނުގެ މުވައްޒަފުން ހިމެނޭގޮތުން، ދައުލަތުގެ ބަޖެޓުން އުޖޫރަ ނުވަތަ މުސާރަ ނުވަތަ އިނާޔަތް ދޭ، ނުވަތަ އެނޫންވެސް ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ހަމަ ކޮންމެ މުވައްޒަފަކަށެވެ. އަދި މި ގާނޫނުގެ މަގްސަދަށްޓަކައި، ގާނޫނަކުން އުފައްދާފައިވާ ރެގިއުލޭޓަރީ ބޮޑީތަކުގެ މެންބަރުންނާއި މުވައްޒަފުން ދައުލަތުގެ މުވައްޒަފުންގެ މާނައިގައި ހިމެނޭނެއެވެ.

 

5 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ގާނޫނު ނަންބަރު 2000-02 (ކޮރަޕްށަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު) އުވުނީއެވެ.

 

6 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

ގާނޫނުލްއުގޫބާތު (ގާނޫނު ނަންބަރު 2014-09)

 

ކޮންސޮލިޑޭޓެޑް

ގާނޫނުލްއުގޫބާތު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2014-09)

 

އުވުނު ގާނޫނު

ކޮރަޕްށަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2000-02)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު