-

ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ގާނޫނު

(ގާނޫނު ނަންބަރު 2025-25)

(މި ގާނޫނަށް އަމަލުކުރަން ފެށީ 3 ޑިސެމްބަރު 2025 ގައި)

 

އެއްވަނަ ބާބު

ފެށުން

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި އަދި ރައްކާތެރި ގޮތެއްގައި ޖަނަވާރު ގެންގުޅުމާއި ވިއްސައި އާލާކުރުމާއި، ވިޔަފާރިކުރުމުގެ ކަންކަން ކުރުމަށް މަގުފަހިކުރުމަށްޓަކައި، ޖަނަވާރު ގެންގުޅުމުގައާއި ބެލެހެއްޓުމުގައާއި ވިއްސައި، އާލާކުރުމުގައާއި، ޖަނަވާރުގެ ސިއްހަތާގުޅޭ ކަންކަމުގައި އަމަލުކުރަންވީ ގޮތާއި، ޖަނަވާރަށާއި ޖަނަވާރުގެ ޒަރީއާއިން އިންސާނުންނަށް ޖެހޭ ބަލިތަކުން ރައްކާތެރިވުމާގުޅޭ އުސޫލުތަކާއި، ދިވެހިރާއްޖެއަށް ޖަނަވާރު އެތެރެކުރުމާއި އެއް ތަނުން އަނެއް ތަނަށް ގެންދިޔުމާއި ދިވެހިރާއްޖެއިން ބޭރަށް ގެންދިޔުމާގުޅޭ އުސޫލުތަކާއި އެނޫންވެސް، ކަމާގުޅޭ އުސޫލުތަކާއި، މިންގަނޑުތައް ކަނޑައެޅުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ "ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - މަގްސަދު 

މި ގާނޫނުގެ މައިގަނޑު މަގްސަދުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ރައްކާތެރި އަދި ދެމެހެއްޓެނިވި ގޮތެއްގައި، ދިވެހިރާއްޖޭގައި އެކި ބޭނުންތަކަށް ޖަނަވާރު ގެންގުޅެ ބެލެހެއްޓުމުގައާއި ވިއްސައި، އާލާކުރުމުގައި، އަމަލުކުރަންޖެހޭ މިންގަނޑުތަކާއި އުސޫލުތައް ކަނޑައެޅުން.

(ށ) ދިވެހިރާއްޖެއަށް ގެނެވޭ އަދި ދިވެހިރާއްޖޭގައި ގެންގުޅޭ ޖަނަވާރުގެ ސިއްހަތާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި އަދި ޖަނަވާރަށާއި ޖަނަވާރުގެ ދަރީއާއިން އިންސާނުންނަށް ޖެހޭ ބަލިތަކުން ރައްކާތެރިވުމަށްޓަކައި، ޖަނަވާރަށް ބޭސްފަރުވާކުރުމުގެ އުސޫލުތައް ކަނޑައެޅުމާއި އެކަށީގެންވާ ރިޕޯޓުކުރުމުގެ ނިޒާމަކާއި ވެޒެރިނަރީ ހިދުމަތުގެ ނިޒާމެއް ގާއިމުކުރުން.

(ނ) ދިވެހިރާއްޖެއަށް ޖަނަވާރާއި، ޖަނަވާރުގެ ބައިތަކާއި ކާނާއާއި ބޭސް އެތެރެކުރުމުގައި، އަމަލުކުރާނެ އުސޫލުތަކާއި ޖަނަވާރު އެއް ތަނުން އަނެއް ތަނަށް ގެންދިޔުމުގައި، އަމަލުކުރާނެ އުސޫލުތަކާއި ދިވެހިރާއްޖެއިން ބޭރަށް ޖަނަވާރު ގެންދިޔުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުން؛

(ރ) ދިވެހިރާއްޖޭގައި ޖަނަވާރުގެ ވިޔަފާރިކުރުމާއި، ޖަނަވާރާ ގުޅުންހުރި ހިދުމަތް ދިނުމުގެ އުސޫލުތަކާއި، ށަރުތުތައް ކަނޑައެޅުމާއި، ވިޔަފާރިކުރާ އަދި ހިދުމަތްދޭ ފަރާތްތަކަށް ހުއްދަ ދިނުމުގެ އުސޫލުތައް ކަނޑައެޅުން؛

(ބ) ޖަނަވާރު ގެންގުޅޭ ފަރާތްތަކުންނާއި، ޖަނަވާރު ވިއްސައި އާލާކުރާ ފަރާތްތަކުންނާއި ޖަނަވާރުގެ ވިޔަފާރިކުރާ ފަރާތްތަކުންނާއި އެނޫންވެސް، ގާނޫނު އެބައެއްގެ މައްޗަށް ހިނގާ ފަރާތްތަކުން މި ގާނޫނު ތަންފީޒުކުރަމުންދާ މިންވަރު ބަލައި ފިޔަވަޅު އެޅޭނެ އެކަށީގެންވާ ނިޒާމެއް ގާއިމުކުރުން.

 

3 ވަނަ މާއްދާ - ގާނޫނު ހިނގާނެ ދާއިރާ

(ހ) ދިވެހިރާއްޖެއަށް ގެނެވޭ، އަދި ދިވެހިރާއްޖޭގައި ވިއްސައި އާލާކުރާ އަދި ދިވެހިރާއްޖޭގައި ގެންގުޅޭ، މި ގާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކުރާ ޖަނަވާރާއި ޖަނަވާރުގެ ބައިތަކުގެ މައްޗަށް މި ގާނޫނު ހިނގާނެއެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ގާނޫނުގެ ޖަދުވަލު 1، 2 އަދި 3 ގައި ބަޔާންކުރާ ޖަނަވާރާއި އެފަދަ ޖަނަވާރުގެ ޖަނަވާރާއި ޖަނަވާރުގެ ބައިތަކުގެ ވިޔަފާރިކުރުމާ ގުޅޭގޮތުންނާއި އެނޫންވެސް، އެފަދަ ޖަނަވާރާއި ޖަނަވާރުގެ ބައިތަކާ ގުޅޭގޮތުން އެ ގާނޫނުގައި ބަޔާންކުރާ ކަންކަމާ ގުޅޭގޮތުން، އަމަލުކުރާނީ، ގާނޫނުގައިވާ ގޮތުގެމަތިންނެވެ.

 

4 ވަނަ މާއްދާ - ޖަނަވާރު އަދި ޖަނަވާރުގެ ބައިތައް

(ހ) މި ގާނޫނު ހިނގާނީ ދިރޭ ޖަނަވާރުގެ ތެރެއިން އަންނަނިވި ބާވަތުގެ ޖަނަވާރުގެ މައްޗަށެވެ.

(1) އެއްގަމުގައި ދިރިއުޅޭ ޖަނަވާރު

(2) ދޫނިސޫފާސޫފި

(3) އެކުއޭރިއަމްގައި ގެންގުޅޭ ޖަނަވާރު

(ށ) މި ގާނޫނު ހިނގާނީ އަންނަނިވި ބާވަތުގެ ޖަނަވާރުގެ ބައިތަކުގެ މައްޗަށެވެ.

(1) ވިއްސައި އާލާކުރުމަށް ބޭނުންކުރާ ޖަނަވާރުގެ ބައިތައް

(2) ޖަނަވާރުގެ އަސްލުން އުފައްދާފައިވާ އިންސާނުން ކެއުމަށް ބޭނުންނުކުރެވޭ ބައިތައް

 

 

ދެވަނަ ބާބު

ގާނޫނު ހިންގުން

 

5 ވަނަ މާއްދާ - ސިޔާސަތު ކަނޑައެޅުން

މި ގާނޫނު އެ މައްޗަށް ހިނގާ ޖަނަވާރުގެ ދުޅަހެޔޮކަމާއި ރައްކާތެރިކަމާގުޅޭ ސިޔާސަތުތައް ކަނޑައަޅައި، މި ގާނޫނު ތަންފީޒުކުރުމުގެ މައިގަނޑު މަސްއޫލިއްޔަތު ހަވާލުވެގެންވާ ފަރާތަކީ މިނިސްޓަރެވެ.

 

6 ވަނަ މާއްދާ - މިނިސްޓްރީގެ މަސްއޫލިއްޔަތުތައް

(ހ) މި ގާނޫނު ތަންފީޒުކުރުމުގެ ގޮތުން މިނިސްޓްރީން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(1) އެކި ބޭނުންތަކަށް ޖަނަވާރު ގެންގުޅުމާއި، ބެލެހެއްޓުމާއި، ވިއްސައި އާލާކުރުމާއި، ޖަނަވާރު އެއް ތަނުން އަނެއް ތަނަށް ގެންދިއުމާއި ނައްތާލުމާއި އެނޫންވެސް، ކަމާގުޅޭ މިންގަނޑުތަކާއި އުސޫލުތައް އެކުލަވާލައި، ތަންފީޒުކުރުން.

(2) މަގުމައްޗަށް ވީއްލިގެން އުޅޭ ޖަނަވާރާމެދު އަމަލުކުރާނެ އުސޫލުތައް އެކުލަވާލައި، ތަންފީޒުކުރުން.

(3) ޖަނަވާރަށް ޖެހޭ ބަލިތައް ދެނެގަތުމާއި، ކޮންޓްރޯލްކުރުމާއި ބަލިތަކަށް ފަރުވާކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް އެކުލަވާލައި ތަންފީޒުކުރުން.

(4) ޖަނަވާރުގެ ސިއްހަތާގުޅޭ ދިރާސާތައް ކުރުމާއި ބަލަންޖެހޭ ބެލުންތައް ބެލުމާއި، ޖަނަވާރަށް ޖެހޭ ބަލިތައް ދެނެގަތުމާއި، ކަމާގުޅޭ ތަހްލީލުތައް ކުރުމާއި ބަލިތައް ކޮންޓްރޯލްކުރުމުގެ ވަސީލަތްތައް ގާއިމުކޮށް، އެފަދަ މަސައްކަތްތަކާއި ހިދުމަތްތަކުގެ ފަންނީ ގާބިލުކަން އިތުރުކުރުން.

(5) ޖަނަވާރަށް ޖެހޭ ބަލިތައް ދެނެގަނެ ކޮންޓްރޯލްކުރުމާ ގުޅޭގޮތުން ޖަނަވާރު ގެންގުޅޭ ފަރާތްތައް ހޭލުންތެރިކުރުވުމާއި، ކަމާގުޅޭ ތަމްރީނުތައް ރާވައި ހިންގުން.

(6) ޖަނަވާރަށާއި ޖަނަވާރުގެ ޒަރީއާއިން އިންސާނުންނަށް ޖެހޭ ނުރައްކާތެރި ބަލިތައް ފެތުރުން ހުއްޓުވުމަށްޓަކައި އެފަދަ ބަލިތައް ފެތުރިފައިވާ ގައުމުތަކާއި، ސަރަހައްދުތަކާއި ބަލި ކޮންޓްރޯލްކުރެވިފައިވާ ގައުމުތަކާއި، ސަރަހައްދުތަކުގެ މައުލޫމާތު އާންމުކުރުމާއި، އެފަދަ ތަންތަނާ ގުޅޭގޮތުން މި ގާނޫނުގެ ދަށުން ކަނޑައަޅަންޖެހޭ ކަންކަން ކަނޑައެޅުން.

(7) ޖަނަވާރަށް ޖެހޭ ބަލިތައް ދިވެހިރާއްޖެއަށް އެތެރެވުމާއި އަށަގަތުން ކޮންޓްރޯލްކުރުމަށްޓަކައި، ދިވެހިރާއްޖެއަށް ޖަނަވާރު އެތެރެކުރުމުގައި އެތަކެތި ސްކްރީންކޮށް ކަރަންޓީނުކުރެވޭނެ ނިޒާމެއް ގާއިމުކުރުން.

(8) ދިވެހިރާއްޖެއަށް ގެނެވޭ ޖަނަވާރު ސްކްރީންކޮށް ކަރަންޓީނުކުރުމަށާއި، ދިވެހިރާއްޖޭގައި ގެންގުޅޭ ޖަނަވާރުގެ ތެރެއިން ގާނޫނާ ހިލާފުވާ ފަރާތްތަކުގެ ކިބައިން އަތުލެވޭ ޖަނަވާރު ބޭތިއްބުމަށް ބޭނުންވާ މަރުކަޒުތައް ގާއިމުކުރުން؛

(9) ދިވެހިރާއްޖެއަށް އިމްޕޯޓްކުރުން މަނާ ޖަނަވާރާއި، ދިވެހިރާއްޖެއިން އެކްސްޕޯޓްކުރުން މަނާ ޖަނަވާރުގެ ބާވަތްތައް ކަނޑައެޅުމާއި އެ ބާވަތްތަކަށް އުނިއިތުރު ގެނައުން؛

(10) ދިވެހިރާއްޖެއަށް އިމްޕޯޓްކުރެވޭ ޖަނަވާރުގައި ހުންނަންޖެހޭ ށަރުތުތަކާއި، ދިވެހިރާއްޖޭގައި ޖަނަވާރު ޓްރާންސިޓްކުރުމުގެ އުސޫލުތައް ކަނޑައެޅުން؛

(11) ދިވެހިރާއްޖެއިން އެކްސްޕޯޓްކުރެވޭ އަދި ރީއެކްސްޕޯޓްކުރެވޭ ޖަނަވާރަށް، އެތަކެތި އިމްޕޯޓްކުރެވޭ ގައުމުން ކަނޑައަޅާ ށަރުތުތަކާ އެއްގޮތްވާ ގޮތުގެމަތިން އެކްސްޕޯޓްކުރުމުގެ ހުއްދައާއި އިންޓަރނޭށަނަލް ވެޓެރިނަރީ ސެޓްފިކެޓް ދޫކުރުން؛

(12) ޖަނަވާރުގެ ވިޔަފާރިކުރާ ފަރާތްތަކާއި، ޖަނަވާރުގެ ބޭސްފަރުވާކުރާ ފަރާތްތަކާއި، އެނޫންވެސް ޖަނަވާރާގުޅޭ ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްދިނުމުގެ ށަރުތުތަކާއި އުސޫލުތައް ކަނޑައަޅައި އެފަދަ ފަރާތްތަކާއި ތަންތަން ރަޖިސްޓަރީކޮށްދިނުމާއި، ކަމާގުޅޭ ހުއްދަތައް ދޫކުރުން؛

(13) ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ޖަނަވާރާ ގުޅުންހުރި ބައިނަލްއަގްވާމީ މުއާހަދާތަކާއި، އެއްބަސްވުންތަކުގެ ދަށުން ދިވެހިރާއްޖޭގެ މައްޗަށް ލާޒިމުކުރާ ޒިންމާތައް އަދާކުރުމުގެ ގޮތުން، ސަރުކާރުން ކުރަންޖެހޭ ކަންކަން، ދިވެހިރާއްޖޭގެ ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން ކުރުން.

(14) ޖަނަވާރުގެ ކާނާއާއި ޖަނަވާރަށް ދޭ ބޭހުގެ މިންގަނޑުތައް ކަމާބެހޭ އެހެން އިދާރާތަކާ ގުޅިގެން ކަނޑައެޅުން؛

(15) ދިވެހިރާއްޖެއަށް އިމްޕޯޓްކުރެވޭ އަދި ދިވެހިރާއްޖެއިން އެކްސްޕޯޓްކުރެވޭ އަދި ރީއެކްސްޕޯޓްކުރެވޭ ޖަނަވާރުގެ ތަފާސްހިސާބު އެއްކުރުމާއި، ކަމާގުޅޭ ޑޭޓާބޭސްއެއް އެކުލަވާލައި، ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުން؛

(16) މި ގާނޫނު އެފަރާތްތަކުގެ މައްޗަށް ތަންފީޒުކުރެވޭ ފަރާތްތަކުން މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އަމަލުކުރާ މިންވަރު ބަލައި، ގާނޫނާ ހިލާފުވާ ފަރާތްތަކާމެދު މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ފިޔަވަޅު އެޅުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މަސްއޫލިއްޔަތުތައް އަދާކުރުމުގައި މިނިސްޓްރީއަށް ފަންނީ ލަފާދިނުމަށްޓަކައި ކަމާގުޅޭ ފަންނީ ކޮމިޓީތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓްރީއަށް އެކުލަވާލެވިދާނެއެވެ.

 

7 ވަނަ މާއްދާ - ކައުންސިލްތަކުގެ މަސްއޫލިއްޔަތުތައް

(ހ) މި ގާނޫނު ތަންފީޒުކުރުމުގެ ގޮތުން ކައުންސިލްތަކުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(1) ޖަނަވާރު ގެންގުޅުމާއި ބެލެހެއްޓުމުގައި އަމަލުކުރުމަށް މި ގާނޫނާއި މި ގާނޫނުގެ ދަށުން މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކާއި އުސޫލުތައް، ސިޓީ އަދި ރަށު ފެންވަރުގައި، ތަންފީޒުކުރުން؛

(2) ޖަނަވާރުގެ ސިއްހީ ރައްކާތެރިކަމާއި، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން، ޖަނަވާރަށް ޖެހޭ ބަލިތައް ކޮންޓްރޯލްކުރުމަށްޓަކައި މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގެ ދަށުން، މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކާއި އުސޫލުތައް، ސިޓީ އަދި ރަށު ފެންވަރުގައި، ތަންފީޒުކުރުން.

(3) ޖަނަވާރުގެ ޒަރީއާއިން އިންސާނުންނަށް ޖެހޭ ބަލިތަކާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގެ ދަށުން ސިޓީ އަދި ރަށު ފެންވަރުގައި ކުރިއަށް ގެންދިޔުން.

(4) މި ގާނޫނު ހިންގައި ތަންފީޒުކުރުމަށްޓަކައި މިނިސްޓްރީއަށް ބޭނުންވާ މައުލޫމާތާއި ތަފާސްހިސާބު، މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެމަތިން ނެގުމާއި، އެއްކުރުމާއި، އެ މައުލޫމާތު ހިއްސާކުރުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކަންކަމުގެ އިތުރުން މި ގާނޫނު ތަންފީޒުކޮށް ހިންގުމުގެ ގޮތުން، މި ގާނޫނުގެ ދަށުން މިނިސްޓްރީއަށް ލިބިގެންވާ ބާރެއް ނުވަތަ މިނިސްޓްރީން އަދާކުރަންޖެހޭ މަސްއޫލިއްޔަތެއް މިނިސްޓްރީއަށް ކައުންސިލްތަކާ ހަވާލުކުރެވިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ފަދައިން މި ގާނޫނު ތަންފީޒުކޮށް ހިންގުމުގެ ގޮތުން ކައުންސިލްތަކާ އެއްވެސް ބާރެއް ނުވަތަ މަސްއޫލިއްޔަތެއް މިނިސްޓްރީން ހަވާލުކުރާނަމަ، އެކަން ކުރަންވާނީ، އެ ބާރެއް ނުވަތަ މަސްއޫލިއްޔަތެއް ސާފުކޮށް އެނގޭނެ ގޮތަށް މިނިސްޓްރީއާއި އެ ކައުންސިލްތަކާ ދެމެދު ލިޔުމުން ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

 

 

ތިންވަނަ ބާބު

ޖަނަވާރު އެތެރެކުރުން

 

8 ވަނަ މާއްދާ - ދިވެހިރާއްޖެއަށް ޖަނަވާރު އެތެރެކުރުމުގެ ށަރުތުތައް

(ހ) ދިވެހިރާއްޖެއަށް ޖަނަވާރު އެތެރެކުރެވޭނީ، އަންނަނިވި ށަރުތުތައް ފުރިހަމަވާނަމައެވެ.

(1) އެ ޖަނަވާރަކީ، ދިވެހިރާއްޖެއަށް އެތެރެކުރުމާއި ދިވެހިރާއްޖޭގައި ގެންގުޅުން މަނާކޮށްފައިވާ ޖަނަވާރެއް ކަމުގައި ނުވުން؛

(2) އެ ޖަނަވާރު އެތެރެކުރަނީ މި ގާނޫނުގެ ދަށުން ހުއްދަކުރާ އަންނަނިވި ބޭނުންތަކުގެ ތެރެއިން ބޭނުމަކަށް ކަމުގައިވުން:

    1. އިމްޕޯޓްކުރަން ހުއްދަކުރާ ބޭނުމަކަށް؛
    2. ގާނޫނު ހުއްދަކުރާ ހާއްސަ ބޭނުމަކަށް.

(ށ) ދިވެހިރާއްޖެއަށް އެތެރެކުރާ ޖަނަވާރަކީ، ދިވެހިރާއްޖެއަށް އެތެރެކުރުމާއި ދިވެހިރާއްޖޭގައި ގެންގުޅުމަށް މި ގާނޫނުގެ ދަށުން ނުވަތަ ކަމާބެހޭ ގާނޫނުގެ ދަށުން ހާއްސަ ހުއްދައެއް ބޭނުންވާ ޖަނަވާރެއް ކަމުގައިވާނަމަ، އެ ހުއްދައެއް ހޯދުމަށްފަހުގައި މެނުވީ އެފަދަ ޖަނަވާރު ދިވެހިރާއްޖެއަށް އެތެރެކޮށްގެންނުވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ (2) ގެ (i) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، މި ގާނޫނުގެ ދަށުން އިމްޕޯޓްކުރަން ހުއްދަކުރާ ބޭނުމަކަށް ޖަނަވާރު އެތެރެކުރުން ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކުރާ ބޭނުންތަކުގެ ތެރެއިން ބޭނުމަކަށް ދިވެހިރާއްޖެއަށް އިމްޕޯޓްކުރުން ހުއްދަކުރެވޭ ޖަނަވާރު އެތެރެކުރުމަށެވެ.

(ރ) މި މާއްދާގެ (ށ) ގެ (2) ގެ (ii) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، ގާނޫނު ހުއްދަކުރާ ހާއްސަ ބޭނުންތަކަށް ޖަނަވާރު އެތެރެކުރުން ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 26 ވަނަ މާއްދާއާއި 27 ވަނަ މާއްދާގައި ބަޔާންކުރާ ބޭނުންތަކުގެ ތެރެއިން ބޭނުމަކަށް ދިވެހިރާއްޖެއަށް އެތެރެކުރުމަށް ހުއްދަކުރެވޭ ޖަނަވާރު އެތެރެކުރުމަށެވެ.

 

9 ވަނަ މާއްދާ - ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ޖަނަވާރާއި ޖަނަވާރު އެތެރެކުރުން މަނާ ޤައުމުތައް 

(ހ) ގާނޫނުގެ ދަށުން ނުވަތަ އެހެން ގާނޫނެއްގެ ދަށުން ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ކަމަށް ކަނޑައަޅާފައިވާ އެއްވެސް ބާވަތެއްގެ ޖަނަވާރެއް ދިވެހިރާއްޖެއަށް އެތެރެކޮށްގެންނުވާނެއެވެ.

(ށ) ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ޖަނަވާރުގެ ބާވަތްތައް މި މާއްދާގައިވާ ގޮތުގެމަތިން މިނިސްޓްރީން ކަނޑައަޅައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ކަނޑައަޅަންޖެހޭ ޖަނަވާރުގެ ބާވަތްތައް ކަނޑައަޅަންވާނީ، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ޖަނަވާރުގެ ސިއްހަތާއި ވިޔަފާރިއާ ގުޅުންހުރި ބައިނަލްއަގްވާމީ މުއާހަދާތަކާއި އެއްބަސްވުންތަކާއި އެނޫންވެސް ކަމާގުޅޭ ބައިނަލްއަގްވާމީ މުއާހަދާތަކާއި އެއްބަސްވުންތަކާއި، ދިވެހިރާއްޖޭގެ ކަމާބެހޭ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ސަރުކާރުގެ ކަމާބެހޭ އެހެން އިދާރާތަކުގެ ލަފަޔާއެކުގައެވެ.

(ރ) މި މާއްދާގެ (ށ) ގެ ދަށުން ކަނޑައަޅަންޖެހޭ ޖަނަވާރުގެ ބާވަތްތައް މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ކަނޑައަޅައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ށ) ގެ ދަށުން ކަނޑައަޅާ ބާވަތްތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މުރާޖައާކޮށް ކަމާބެހޭ އިދާރާތަކުގެ ލަފަޔާއެކު އެ ބާވަތްތަކަށް އުނިއިތުރު ގެނައުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި އެފަދައިން ގެނެވޭ ބަދަލުތައް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

(ޅ) މި މާއްދާގެ (ށ) ގެ ދަށުން ދިވެހިރާއްޖެއަށް ގެނައުން މަނާ ޖަނަވާރުގެ ބާވަތްތައް ކަނޑައެޅުމުގެ އިތުރުން، ދިވެހިރާއްޖެއަށް ޖަނަވާރު އެތެރެކުރުން މަނާ ގައުމުތަކާއި ދިވެހިރާއްޖެއަށް ޖަނަވާރު އެތެރެކުރުމުގައި ޓްރާންސިޓްކުރުން މަނާ ގައުމުތައް މިނިސްޓްރީއަށް ކަނޑައެޅިދާނެއެވެ.

(ކ) މި މާއްދާގެ (ށ) ގެ ދަށުން، ދިވެހިރާއްޖެއަށް ޖަނަވާރު އެތެރެކުރުން މަނާ ގައުމުތަކާއި ދިވެހިރާއްޖެއަށް ޖަނަވާރު އެތެރެކުރުމުގައި، ޓްރާންސިޓްކުރުން މަނާ ގައުމުތައް މިނިސްޓްރީން ކަނޑައަޅަންވާނީ، މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިންނެވެ. އަދި އެފަދައިން އެއްވެސް، ގައުމެއް ކަނޑައަޅާނަމަ އެކަން، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

10 ވަނަ މާއްދާ - ހާއްސަ ހުއްދަ ބޭނުންވާ ޖަނަވާރުގެ ބާވަތްތައް

(ހ) އަންނަނިވި ގިންތީގެ ޖަނަވާރަކީ އެ ޖަނަވާރު ދިވެހިރާއްޖެއަށް އެތެރެކުރުމަށް ހާއްސަ ހުއްދައެއް ބޭނުންވާ ޖަނަވާރެވެ.

(1) ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ގާނޫނުގައި ހިމެނޭ ޖަނަވާރު؛

(2) ނުރައްކާތެރި ޖަނަވާރު؛

(3) ދިވެހިރާއްޖޭގައި އާންމުކޮށް ދިރިނޫޅޭ، އަންނަނިވި ގިންތީގެ ޖަނަވާރު:

    1. އޮޅުކޮށްގެން ގެންގުޅެން ހުއްދަ ނެތް ޖަނަވާރު؛
    2. ވިއްސައި އާލަކުރުމަށް ހުއްދަ ނެތް ޖަނަވާރު؛
    3. ލައިވްސްޓޮކް އަދި ޕޯލްޓްރީގެ ގޮތުގައި ގެންގުޅެން ހުއްދަ ނެތް ޖަނަވާރު؛

(4) ޖިނާއީ އިޖުރާއަތުގެ ގާނޫނު ތަންފީޒުކުރުމަށްޓަކައި، ކަމާބެހޭ ގާނޫނުތަކުން ދިވެހިރާއްޖެއަށް ގެނައުން ހުއްދަކުރާ ބާވަތުގެ ޖަނަވާރު؛

(5) އެހެން ގާނޫނެއްގެ ދަށުން ހާއްސަ ހުއްދައެއް އޮތުން ލާޒިމުކުރާ ބާވަތުގެ ޖަނަވާރު.

(ށ) ދިވެހިރާއްޖެއަށް ގެނައުމަށް ހާއްސަ ހުއްދައެއް އޮންނަންޖެހޭ ކަމަށް މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގިންތީގެ ޖަނަވާރުގެ ބާވަތްތައް ސަރުކާރުގެ ކަމާބެހޭ އެހެން އިދާރާތަކުގެ ލަފަޔާއެކު މިނިސްޓްރީން ކަނޑައަޅައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ކަނޑައަޅަންޖެހޭ ޖަނަވާރުގެ ބާވަތްތައް ކަނޑައަޅާއިރު، އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ.

(1) ޖަނަވާރުގެ ވަކި ބާވަތަކީ މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގިންތިތަކުގެ ތެރެއިން ކޮން ގިންތިއެއްގެ ޖަނަވާރެއްކަން؛

(2) ޖަނަވާރުގެ ވަކި ބާވަތަކީ އެހެން ގާނޫނެއްގެ ދަށުން ހުއްދަ ހޯދަންޖެހޭ ބާވަތެއްނަމަ، ކަމާގުޅޭ ގާނޫނުގެ މައުލޫމާތު؛

(3) ވަކި ބާވަތެއްގެ ޖަނަވާރު ދިވެހިރާއްޖެއަށް އެތެރެކުރުމަށް ހާއްސަ ހުއްދަ ދޫކުރަނީ އެހެން އިދާރާއަކުން ކަމަށްވާނަމަ، ކަމާގުޅޭ ހުށަހެޅުންތައް ހުށަހަޅަންޖެހޭ އިދާރާގެ މައުލޫމާތު؛

(4) ޖަނަވާރުގެ ވަކި ބާވަތަކީ މި ގާނޫނުގެ ދަށުން ހާއްސަ ހުއްދަ ދޫކުރާ ބާވަތެއްނަމަ އެކަން؛

(5) ވަކި ބާވަތެއްގެ ޖަނަވާރު ދިވެހިރާއްޖެއަށް އެތެރެކުރުމަށް ހާއްސަ ހުއްދަ ދޫކުރެވެނީ ވަގުތީގޮތުން ކަމަށްވާނަމަ، އެކަން؛

(6) އެނޫންވެސް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ މައުލޫމާތު.

(ރ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި މާއްދާގެ (ށ) ގެ ދަށުން ކަނޑައަޅާ ޖަނަވާރުގެ ބާވަތްތަކުގެ ތެރެއިން، މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރު އަދި (3) ވަނަ ނަންބަރުގައި ބަޔާންކުރާ ހާއްސަ ހުއްދަ ބޭނުންވާ ބާވަތުގެ ޖަނަވާރުގެ ބާވަތްތައް ކަނޑައަޅާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، މިނިސްޓްރީންނެވެ. އަދި އެފަދައިން ހާއްސަ ހުއްދަ ބޭނުންވާ ޖަނަވާރުގެ ބާވަތްތައް ކަނޑައަޅަންވާނީ، ދިވެހިރާއްޖެއަށް އެ ބާވަތުގެ ޖަނަވާރު އެތެރެކޮށްފިނަމަ، ދިވެހިރާއްޖޭގެ އެހެން ދިރުންތަކަށް އޭގެ ސަބަބުން ކުރާނެ އަސަރު ދެނެގަނެ އެހެން ދިރުންތަކަށް ނޭދެވޭ އަސަރު ނުކުރާނެ ނުވަތަ އެފަދަ ނޭދެވޭ އަސަރެއް ކުރުމުގެ ރިސްކުތައް ކުޑަވާނެ ގޮތުގެމަތިންނެވެ.

(ބ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ، ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ގާނޫނުގައި ހިމެނޭ ޖަނަވާރު ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ދޭނީ އެ ގާނޫނުގައި ބަޔާންކުރާ މެނޭޖްމަންޓް އޮތޯރިޓީންނެވެ.

(ޅ) މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކުރާ ބާވަތުގެ ޖަނަވާރު ދިވެހިރާއްޖެއަށް ގެނެވޭނީ ހަމައެކަނި އެ ގާނޫނުގެ ދަށުން ހުއްދަކުރާ ތަންފީޒީ އިދާރާތަކަށެވެ.

(ކ) މި މާއްދާގެ (ށ) ގެ ދަށުން ކަނޑައަޅަންޖެހޭ ޖަނަވާރުގެ ބާވަތްތައް މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ކަނޑައަޅައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

(އ) އެއްވެސް ފަރާތަކުން ދިވެހިރާއްޖެއަށް އެތެރެކުރަން އެދޭ ޖަނަވާރަކީ، ކަމާބެހޭ ގާނޫނެއްގެ ދަށުން ހާއްސަ ހުއްދައެއް އޮތުމަށް ލާޒިމުކުރާ ޖަނަވާރެއް ކަމުގައިވާނަމަ އެ ޖަނަވާރެއް އެތެރެކުރުމުގެ ހުއްދަ ދެވޭނީ، އެ ގާނޫނެއްގެ ދަށުން ހޯދަންޖެހޭ ހުއްދަ ހޯދުމަށްފަހު ނުވަތަ އެފަދައިން ދޫކޮށްފައިވާ ހުއްދައެއްގައިވާ ގޮތުގެމަތިންނެވެ.

 

11 ވަނަ މާއްދާ - ޖަނަވާރު އިމްޕޯޓްކުރުމަށް ހުއްދަކުރެވޭ ބޭނުންތައް

ދިވެހިރާއްޖެއަށް އިމްޕޯޓްކުރުމުގެ ހުއްދަ ދެވޭނީ، އަންނަނިވި ބޭނުންތަކަށް ގެނެވޭ ޖަނަވާރެވެ.

(ހ) ވިއްސައި އާލާކުރުމަށް

(ށ) ލައިވްސްޓޮކް އަދި ޕޯލްޓްރީގެ ގޮތުގައި

(ނ) އޮޅުކޮށްގެން އެކުގައި ގެންގުޅޭ ޖަނަވާރުގެ ގޮތުގައި

(ރ) ސައިންޓިފިކް ދިރާސާއަށް ނުވަތަ ތައުލީމީ ބޭނުމަށް

(ބ) އެގްޒިބިށަންގެ ބޭނުމަށް

(ޅ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އެނޫންވެސް އިގްތިސާދީ ބޭނުންތަކަށް.

 

12 ވަނަ މާއްދާ - ވިއްސައި އާލާކުރުމަށް އިމްޕޯޓްކުރާ ޖަނަވާރު

(ހ) ދިވެހިރާއްޖޭގައި ވިއްސައި، އާލާކުރުމަށް، އިމްޕޯޓްކުރެވޭނީ، މި ގާނޫނުގެ 47 ވަނަ މާއްދާގެ ދަށުން ވިއްސައި އާލާކުރުމަށް، ހުއްދަކުރެވޭ ބާވަތުގެ ޖަނަވާރެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ވިއްސައި އާލާކުރުމަށް ޖަނަވާރު އިމްޕޯޓްކުރުމުގެ ހުއްދަ ދެވޭނީ، މި ގާނޫނުގެ 47 ވަނަ މާއްދާގެ ދަށުން ފާމެއް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ. އަދި އެ ހުއްދަ ދެވޭނީ، އެ މާއްދާގެ ދަށުން، ހުއްދަކުރެވޭ ތަނެއްގައި، އެ ޖަނަވާރު، ވިއްސައި އާލާކުރުމަށެވެ.

 

13 ވަނަ މާއްދާ - ލައިވްސްޓޮކް އަދި ޕޯލްޓްރީގެ ގޮތުގައި އިމްޕޯޓްކުރާ ޖަނަވާރު

(ހ) ދިވެހިރާއްޖެއަށް ލައިވްސްޓޮކް އަދި ޕޯލްޓްރީގެ ގޮތުގައި އިމްޕޯޓްކުރެވޭނީ، އަންނަނިވި ދެ ގިންތީގެ ޖަނަވާރެވެ.

(1) ފާމްކޮށްގެން ގެންގުޅުމަށް ގެނެވޭ ލައިވްސްޓޮކް އަދި ޕޯލްޓްރީ.

(2) ކެއުމުގެ ބޭނުމަށް ކަތިލުމަށްޓަކައި، ގެނެވޭ ލައިވްސްޓޮކް އަދި ޕޯލްޓްރީ.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ލައިވްސްޓޮކް އަދި ޕޯލްޓްރީގެ ގޮތުގައި ގެންގުޅުމަށް ޖަނަވާރު އިމްޕޯޓްކުރުމުގެ ހުއްދަ ދެވޭނީ، މި ގާނޫނުގެ 49 ވަނަ މާއްދާގެ (ހ) ގެ ދަށުން ފާމެއް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ. އަދި އެ ހުއްދަ ދެވޭނީ، އެ މާއްދާގެ ދަށުން، ހުއްދަކުރެވޭ ތަނެއްގައި، އެ ޖަނަވާރު ގެންގުޅުމަށެވެ.

(ނ) މި މާއްދާގެ (ހ)ގެ (2) ވަނަ ނަންބަރުގެ ދަށުން ލައިވްސްޓޮކް އަދި ޕޯލްޓްރީގެ ގޮތުގައި ބޭނުންކުރުމަށް ޖަނަވާރު އިމްޕޯޓްކުރުމުގެ ހުއްދަ ދެވޭނީ، އަގީގާއާއި އުޒްހިޔާގެ ގޮތުގައި ނުވަތަ އެނޫންވެސް، ކެއުމުގެ ބޭނުމަށް ކަތިލުމަށް، މި ގާނޫނުގެ 49 ވަނަ މާއްދާގެ (ރ) ގެ ދަށުން، ހުއްދަކުރާ ހާލަތްތަކުގައި، ބޭނުންކުރުމަށްޓަކައި އެ މާއްދާގެ ދަށުން ހުއްދަކުރެވޭ ފަރާތްތަކަށެވެ.

 

14 ވަނަ މާއްދާ - އޮޅުކޮށްގެން އެކުގައި ގެންގުޅޭ ޖަނަވާރުގެ ގޮތުގައި އިމްޕޯޓްކުރާ ޖަނަވާރު

(ހ) އޮޅުކޮށްގެން، އެކުގައި ގެންގުޅޭ ޖަނަވާރުގެ ގޮތުގައި ދިވެހިރާއްޖެއަށް އިމްޕޯޓްކުރެވޭނީ މި ގާނޫނުގެ 48 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ގިންތީގެ ޖަނަވާރެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގިންތީގެ ޖަނަވާރު އިމްޕޯޓްކުރުމުގެ ހުއްދަ ދެވޭނީ، މި ގާނޫނުގެ 48 ވަނަ މާއްދާގެ (ށ) ގެ ދަށުން ރަޖިސްޓަރީކުރެވޭ ވިޔަފާރިއަކަށެވެ. އަދި އެ ހުއްދަ ދެވޭނީ އެ މާއްދާގެ ދަށުން ހުއްދަކުރެވޭ ތަނެއްގައި އެ ވިޔަފާރި ކުރުމަށެވެ.

 

15 ވަނަ މާއްދާ - ސައިންޓިފިކް ދިރާސާއަށް ނުވަތަ ތައުލީމީ ބޭނުމަށް އިމްޕޯޓްކުރާ ޖަނަވާރު

(ހ) ސައިންޓިފިކް ދިރާސާއަށް ނުވަތަ ތައުލީމީ ބޭނުމަށް ދިވެހިރާއްޖެއަށް އިމްޕޯޓްކުރެވޭނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން، ހުއްދަކޮށްފައިވާ ބާވަތުގެ ޖަނަވާރެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ސައިންޓިފިކް ދިރާސާއަށް ނުވަތަ ތައުލީމީ ބޭނުމަށް ޖަނަވާރު އިމްޕޯޓްކުރުމުގެ ހުއްދަ ދެވޭނީ، މި ގާނޫނުގެ 50 ވަނަ މާއްދާގެ ދަށުން ހުއްދަކުރާ ބޭނުމަކަށެވެ. އަދި އެ ހުއްދަ ދެވޭނީ، އެ މާއްދާގެ ދަށުން ހުއްދަކުރެވޭ ތައުލީމީ މަރުކަޒަކަށް ނުވަތަ ރިސަރޗް ފެސިލިޓީއަކަށެވެ.

 

16 ވަނަ މާއްދާ - އެގްޒިބިށަންގެ ބޭނުމަށް އިމްޕޯޓްކުރާ ޖަނަވާރު

(ހ) އެގްޒިބިށަންގެ ބޭނުމަށް ދިވެހިރާއްޖެއަށް އިމްޕޯޓްކުރެވޭނީ، މި ގާނޫނުގެ 51 ވަނަ މާއްދާގެ ދަށުން ހުއްދަކޮށްފައިވާ ބާވަތުގެ ޖަނަވާރެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން، އެގްޒިބިށަންގެ ބޭނުމަށް ޖަނަވާރު އިމްޕޯޓްކުރުމުގެ ހުއްދަ ދެވޭނީ، މި ގާނޫނުގެ 51 ވަނަ މާއްދާގެ ދަށުން ހުއްދަކުރާ ތަނަކަށް ނުވަތަ އެ މާއްދާގެ ދަށުން ހުއްދަކުރާ ދިވެހިސަރުކާރުގެ ގެޒެޓް، ހަރަކާތްތައް ހިންގުމަށެވެ؛ އަދި އެ ހުއްދަ ދެވޭނީ، އެފަދަ ހަރަކާތް ހިންގުމަށް އެ މާއްދާގެ ދަށުން ހުއްދަކުރެވޭ ފަރާތްތަކަށެވެ.

 

17 ވަނަ މާއްދާ - އިގްތިސާދީ ބޭނުންތަކަށް އިމްޕޯޓްކުރާ ޖަނަވާރު

މި ގާނޫނުގެ 12 ވަނަ މާއްދާއިން ފެށިގެން 16 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ބަޔާންކުރާ ބޭނުންތަކުގެ އިތުރުން، ދިވެހިރާއްޖެއަށް އެއްވެސް ޖަނަވާރެއް އިމްޕޯޓްކުރެވޭނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ހުއްދަކޮށްފައިވާ އިގްތިސާދީ ބޭނުންތަކަށެވެ.

 

18 ވަނަ މާއްދާ - ޖަނަވާރު އިމްޕޯޓްކުރުމުގެ ށަރުތުތަކާއި މިންގަނޑުތައް

(ހ) ދިވެހިރާއްޖެއަށް އިމްޕޯޓްކުރާ ޖަނަވާރުގައި، އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

(1) އެ ޖަނަވާރަކީ، އިމްޕޯޓްކުރެވޭ ޖަނަވާރުގައި ސިއްހީގޮތުން ފުރިހަމަވާންޖެހޭ ކަމަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ށަރުތުތަކާއި މިންގަނޑުތައް ފުރިހަމަވާ ޖަނަވާރެއް ކަމުގައިވުން.

(2) އެ ޖަނަވާރަކީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ ގައުމުތަކުން އެތެރެކުރެވޭ ޖަނަވާރެއް ކަމުގައިވުން.

(3) އެ ޖަނަވާރަކީ، އެ ޖަނަވާރު އެކްސްޕޯޓްކުރެވޭ ގައުމުގެ ކަމާބެހޭ އިދާރާއަކުން ދޫކޮށްފައިވާ ވެޓެރިނަރީ ސަރޓިފިކޭށަން ފުރިހަމަވެފައިވާ ޖަނަވާރެއް ކަމުގައިވުން.

(4) އެ ޖަނަވާރަކީ، އެ ޖަނަވާރު އިމްޕޯޓްކުރުމަށް ދިވެހިރާއްޖޭގެ ކަމާބެހޭ އިދާރާއަކުން ދޫކުރަންޖެހޭ ހުއްދައެއް އޮތުން ލާޒިމުކުރާ ބާވަތުގެ ޖަނަވާރެއްނަމަ އެ ހުއްދަ ލިބިފައިވުން.

(5) އެ ޖަނަވާރަކީ، އެ ޖަނަވާރު އެކްސްޕޯޓްކުރުމަށް ނުވަތަ ރީ-އެކްސްޕޯޓްކުރުމަށް އެ ޖަނަވާރު އެކްސްޕޯޓްކުރި ގައުމުގެ ކަމާބެހޭ އިދާރާއަކުން ދޫކުރަންޖެހޭ ހުއްދައެއް އޮތުން ލާޒިމުކުރާ ބާވަތުގެ (ޖަނަވާރެއްނަމަ) އެ ހުއްދަ، ނުވަތަ ހުއްދަތައް ލިބިފައިވުން.

(6) އިމްޕޯޓްކުރެވޭ ޖަނަވާރާ ގުޅޭގޮތުން، ފުރިހަމަވާންޖެހޭ ކަމަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެނޫންވެސް ކަންކަމާއި ލިޔެކިޔުން ފުރިހަމަވެފައިވުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ށަރުތުތަކާއި މިންގަނޑުތަކުގެ އިތުރު ތަފްސީލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ށަރުތުތަކުގެ އިތުރުން، ދިވެހިރާއްޖެއަށް ޖަނަވާރު އިމްޕޯޓްކުރުމާގުޅޭ އިތުރު ށަރުތުތަކާއި މިންގަނޑުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި މިނިސްޓްރީއަށް ކަނޑައެޅިދާނެއެވެ.

(ރ) މި މާއްދާގެ (ހ) އަދި (ނ) ގެ ދަށުން މިނިސްޓްރީން ހަދާ ގަވާއިދުގައި މަދުވެގެން، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

(1) އިމްޕޯޓްކުރާ ޖަނަވާރުގައި ސިއްހީގޮތުން ފުރިހަމަވާންޖެހޭ މިންގަނޑުތައް؛

(2) ދިވެހިރާއްޖެއަށް ތައާރުފުވެދާނެ ނުވަތަ ފެތުރިދާނެފަދަ ބައްޔެއް ނުވަތަ ބަލިޖައްސާ އަސްލެއް އިމްޕޯޓްކުރާ ޖަނަވާރުގައި ނެތްކަން ކަށަވަރުކުރުމަށްޓަކައި އެފަދަ ޖަނަވާރު ސްކްރީންކުރުމުގެ އުސޫލުތަކާއި ހަމަތައް؛

(3) އިމްޕޯޓްކުރުމުގައި ޖަނަވާރު އުފުލައި، އެއް ތަނުން އަނެއް ތަނަށް ގެންދިޔުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް؛

(4) ޓްރާންސިޓްކުރުމުގެ ށަރުތުތަކާއި ޓްރާންސިޓްގައި ޖަނަވާރު ބަލަހައްޓައި ގެންގުޅުމުގެ އުސޫލުތަކާއި މިންގަނޑުތައް؛

(5) އިމްޕޯޓްކުރާ ޖަނަވާރާ ގުޅޭގޮތުން، ފުރިހަމަވާންޖެހޭ ލިޔެކިޔުން؛

(6) އިމްޕޯޓްކުރުމުގެ މިންގަނޑުތަކާއި، ށަރުތުތައް ފުރިހަމަވާކަން އަންގައިދޭ، އެނޫންވެސް، ލިޔެކިޔުމާއި، އެ ލިޔެކިޔުމުގައި، ހިމަނަންޖެހޭ މައުލޫމާތާއި އަދި/ނުވަތަ ލިޔެކިޔުމުގެ ނަމޫނާ.

(ށ) މި މާއްދާގެ ދަށުން ޖަނަވާރު އިމްޕޯޓްކުރުމާގުޅޭ ށަރުތުތަކާއި މިންގަނޑުތައް މިނިސްޓްރީން ކަނޑައަޅަންވާނީ، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ޖަނަވާރުގެ ސިއްހަތާއި ވިޔަފާރިއާ ގުޅުންހުރި ބައިނަލްއަގްވާމީ މުއާހަދާތަކާއި އެއްބަސްވުންތަކާއި، ވަރލްޑް އޯގަނައިޒޭށަން ފޯރ އެނިމަލް ހެލްތްގެ ކަމާގުޅޭ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

19 ވަނަ މާއްދާ - ޖަނަވާރު އިމްޕޯޓްކުރާ ފަރާތްތައް ރަޖިސްޓަރީކުރުން

(ހ) ދިވެހިރާއްޖެއަށް ޖަނަވާރު އިމްޕޯޓްކުރާ ކޮންމެ ފަރާތަކުންވެސް، މި ގާނޫނާއި މި ގާނޫނުގެ ހަވަނަ ބާބުގެ ކަމާބެހޭ މާއްދާތަކުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން މިނިސްޓްރީގައި ރަޖިސްޓަރީކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރާތްތައް ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓްރީއަށެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރާތްތައް ރަޖިސްޓަރީކުރުމުގެ ށަރުތުތަކާއި، ރަޖިސްޓަރީކުރުމަށް އެދި ހުށަހެޅުމުގައި އެފަރާތްތަކުން ފުރިހަމަކުރަންޖެހޭ ކަންކަމާއި، އެފަރާތްތައް ރަޖިސްޓަރީކޮށްދިނުމުގައި މިނިސްޓްރީން އަމަލުކުރަންޖެހޭ އުސޫލުތަކާއި އިޖުރާއަތްތައް މި ގާނޫނުގެ ދަށުން ޖަނަވާރު އިމްޕޯޓްކުރުމަށް ހުއްދަކުރެވޭ ކޮންމެ ބޭނުމަކަށް ވަކިން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައި އޮންނަންވާނެއެވެ.

 

20 ވަނަ މާއްދާ - އިމްޕޯޓް ހުއްދަ

(ހ) ޖަނަވާރު އިމްޕޯޓްކުރުމަށް، މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް ޖަނަވާރު އިމްޕޯޓްކުރެވޭނީ، އިމްޕޯޓްކުރަން އެދޭ ޖަނަވާރުގެ ކޮންމެ ކޮންސައިންމަންޓަކަށް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން ދޫކުރާ އިމްޕޯޓް ހުއްދަ ހޯދުމަށްފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އިމްޕޯޓް ހުއްދަ ދޫކުރުމުގެ ށަރުތުތަކާއި، ހުއްދައިގެ މުއްދަތާއި، ހުއްދަ ބާތިލުކުރެވޭނެ ހާލަތްތަކާއި، ހުއްދަ ދޫކުރުމަށް ފީ ނެގޭނެ އުސޫލުތަކާއި، ހުއްދަ ހޯދުމަށް އެދި ހުށަހަޅަންޖެހޭ މައުލޫމާތާއި ލިޔެކިޔުމާއި، ހުއްދަ ދޫކުރުމުގައި އަމަލުކުރެވޭނެ އުސޫލުތަކާއި އިޖުރާއަތުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އިމްޕޯޓް ހުއްދައަށް އެދި ހުށަހަޅާނީ، މިނިސްޓްރީއަށެވެ. އަދި މިނިސްޓްރީން އެފަރާތަކަށް އެ ހުއްދަ ދޫކުރުމަށް ނިންމަންވާނީ، އެފަރާތުން ހުށަހަޅާ ލިޔެކިޔުމުގެ ސައްހަކަން ބެލުމަށްފަހު، އެފަރާތެއްގެ ކިބައިގައި މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާނަމައެވެ. އެއްވެސް ހުށަހެޅުމަކާއެކު ހުށަހަޅާފައިވާ ލިޔެކިޔުމުގެ ސައްހަކަން ކަށަވަރުނުކުރެވޭނަމަ ނުވަތަ ލިޔުމެއްގައި ފުރިހަމަވާންޖެހޭ މައުލޫމާތެއް ފުރިހަމަނުވާނަމަ، މިނިސްޓްރީން އެ ހުއްދަ ދޫކޮށްގެންނުވާނެއެވެ.

(ރ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ދިވެހިރާއްޖެއަށް އިމްޕޯޓްކުރުމަށް އެދޭ ޖަނަވާރަކީ، މި ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ޖަނަވާރެއްނަމަ، އަދި އެ ޖަނަވާރަކީ، ދިވެހިރާއްޖެއަށް ޖަނަވާރު އެތެރެކުރުމާ ގުޅޭގޮތުން މި ގާނޫނުގެ 8 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާ އަސާސީ ށަރުތުތައް ފުރިހަމަވާ ޖަނަވާރެއްނަމަ، އެ ޖަނަވާރު ދިވެހިރާއްޖެއަށް އެތެރެކުރުމަށް އިއުތިރާޒެއް ނެތްކަން ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ގާނޫނުގައި ބަޔާންކުރާ މެނޭޖްމަންޓް އޮތޯރިޓީއަށް މި މިނިސްޓްރީން އަންގަންވާނެއެވެ. އަދި މިނިސްޓްރީގެ އެ ހުއްދައަށް ބިނާކޮށް އެ ޖަނަވާރު ދިވެހިރާއްޖެއަށް އިމްޕޯޓްކުރުމުގެ ހުއްދަ ދޫކުރާނީ އެ ގާނޫނުގައި ބަޔާންކުރާ މެނޭޖްމަންޓް އޮތޯރިޓީންނެވެ.

 

21 ވަނަ މާއްދާ - އިމްޕޯޓްކުރާ ޖަނަވާރު ސްކްރީންކުރުމާއި ކަރަންޓީނުކުރުން

(ހ) ޖަނަވާރަށާއި ޖަނަވާރުގެ ޒަރީއާއިން އިންސާނުންނަށް ޖެހޭ ބަލިތައް ދިވެހިރާއްޖެއަށް އެތެރެވެ ފެތުރުން ހުއްޓުވުމަށްޓަކައި، ދިވެހިރާއްޖެއަށް އިމްޕޯޓްކުރާ ޖަނަވާރުގައި އެފަދަ ބައްޔެއް ނުވަތަ ބަލިޖައްސާ އަސްލެއް ހުރިތޯ ބެލުމަށްޓަކައި މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ސްކްރީންކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ޖަނަވާރު ސްކްރީންކުރުމުގައި، އަންނަނިވި ކަންކަން ކުރުމުގެ ބާރު މިނިސްޓްރީއަށާއި ކަމާބެހޭ އިދާރާތަކަށް ލިބިގެންވެއެވެ.

(1) އިމްޕޯޓްކޮށްފައިވާ ޖަނަވާރަކީ މި ގާނޫނުގެ 18 ވަނަ މާއްދާގެ (ރ) ގެ (5) ވަނަ ނަންބަރާއި، (6) ވަނަ ނަންބަރުގައި ބަޔާންކުރާ ލިޔެކިޔުމުގައި ބަޔާންކުރާ ޖަނަވާރުކަން އަދި އެ ޖަނަވާރު އިމްޕޯޓްކުރުމުގެ އިޖުރާއަތްތައް ހިންގާފައިވަނީ އެ ލިޔުމުގައި ހިމެނޭ މައުލޫމާތާ އެއްގޮތްވާ ގޮތުގެމަތިންތޯ ބަލައި ކަށަވަރުކުރުން؛

(2) ޖަނަވާރުގެ ފިޒިކަލް އެގްޒެމިނޭށަނެއް ހެދުން؛

(3) ޖަނަވާރުގެ ސާމްޕަލް ނަގައި ތަހްލީލުކުރުން.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ޖަނަވާރު ސްކްރީންކުރުމަށްޓަކައި ޖަނަވާރު އިމްޕޯޓްކުރެވުނު ބަނދަރުގައި ގާއިމުކޮށްފައިވާ ޕޯޓް ކަރަންޓީން ފެސިލިޓީއެއްގައި ޖަނަވާރު ކަރަންޓީނުކުރުމުގެ ބާރު މިނިސްޓްރީއަށާއި ކަމާބެހޭ އިދާރާތަކަށް ލިބިގެންވެއެވެ.

(ރ) ދިވެހިރާއްޖެއަށް އިމްޕޯޓްކުރާ ޖަނަވާރު މި މާއްދާގެ ދަށުން ސްކްރީންކުރުމުގައާއި ކަރަންޓީނުކުރުމުގައި އަމަލުކުރާނެ މިންގަނޑުތަކާއި އިޖުރާއަތުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

22 ވަނަ މާއްދާ - އިމްޕޯޓްކުރާ ޖަނަވާރު ސްކްރީންކުރުމަށްފަހު ދޫކުރުން

(ހ) ދިވެހިރާއްޖެއަށް އިމްޕޯޓްކުރާ ޖަނަވާރު މި ގާނޫނުގެ 21 ވަނަ މާއްދާގައިވާ ގޮތުގެމަތިން ސްކްރީންކުރުމަށްފަހު، އަންނަނިވި ކަންކަން ފުރިހަމަވާނަމަ އެ ޖަނަވާރު ކަރަންޓީނުކޮށްފައިވާ ޕޯޓް ކަރަންޓީން ފެސިލިޓީން ޖަނަވާރު ގެންދިޔުމުގެ ހުއްދަ އިމްޕޯޓްކުރާ ފަރާތަށް ދޭންވާނެއެވެ.

(1) އިމްޕޯޓްކޮށްފައިވާ ޖަނަވާރަކީ މި ގާނޫނުގެ 18 ވަނަ މާއްދާގެ (ރ) ގެ (5) ވަނަ ނަންބަރާއި، (6) ވަނަ ނަންބަރުގައި ބަޔާންކުރާ ލިޔެކިޔުމުގައި ބަޔާންކުރާ ޖަނަވާރުކަން އަދި އެ ޖަނަވާރު އިމްޕޯޓްކުރުމުގެ އިޖުރާއަތުތައް ހިންގާފައިވަނީ އެ ލިޔުމުގައި ހިމެނޭ މައުލޫމާތާ އެއްގޮތްވާ ގޮތުގެމަތިންކަން ކަށަވަރުކުރުން؛

(2) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ އިމްޕޯޓްކުރުމުގެ މިންގަނޑުތަކާއި ށަރުތުތައް ފުރިހަމަވާކަން ކަށަވަރުކުރުން؛

(3) ދިވެހިރާއްޖެއަށް ތައާރުފުވެދާނެ ނުވަތަ ފެތުރިދާނެފަދަ ބައްޔެއް ނުވަތަ ބަލިޖައްސާ އަސްލެއް ޖަނަވާރުގައި ނެތްކަން ކަށަވަރުކުރުން؛

(4) އެ ޖަނަވާރަކީ އެހެން ގާނޫނެއްގެ ދަށުން ހުއްދަ ހޯދަންޖެހޭ ޖަނަވާރެއް ކަމަށްވާނަމަ އެ ހުއްދަ ހޯދާފައިވުން.

(ށ) ދިވެހިރާއްޖެއަށް އިމްޕޯޓްކުރާ ޖަނަވާރަކާ ގުޅޭގޮތުން މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (4) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ އެންމެހައި ކަންކަން، ނުވަތަ އެއިން ބަޔަކާމެދު، އަންނަނިވި ގޮތުގެމަތިން އަމަލުކުރުމުގެ ބާރު މިނިސްޓްރީއަށާއި ކަމާބެހޭ ފަރާތްތަކަށް ލިބިގެންވެއެވެ.

(1) އިތުރަށް ސްކްރީންކުރުމަށް އަދި/ނުވަތަ ޖަނަވާރުގެ ހާލަތު ބަލައި ފަރުވާދިނުމަށްޓަކައި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ މުއްދަތަކަށް ޕޯޓް ކަރަންޓީން ފެސިލިޓީގައި ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އެނޫން ފެސިލިޓީއެއްގައި ޖަނަވާރު ކަރަންޓީނުކުރުން.

(2) އެ ޖަނަވާރު އެކްސްޕޯޓްކުރި ގައުމަށް ޖަނަވާރު އަނބުރާ ފޮނުވައިލުން؛

(3) މި ގާނޫނު ހުއްދަކުރާ ހާލަތެއްގައި ޖަނަވާރު ނައްތާލުން.

(ނ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި (3) ވަނަ ނަންބަރުގެ ދަށުން ޖަނަވާރު ކަރަންޓީނުކުރުމާއި ނައްތާލުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި އިޖުރާއަތުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން އަނބުރާ ފޮނުވައިލަންޖެހޭ ކަމަށް ނިންމާ ޖަނަވާރު އެ ޖަނަވާރު އެކްސްޕޯޓްކުރި ގައުމަށް އަނބުރާ ފޮނުވައިލުމުގެ ފުރުސަތު ޖަނަވާރު އިމްޕޯޓްކުރި ފަރާތަށް ދޭންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން ޖަނަވާރު އެކްސްޕޯޓްކުރި ގައުމަށް އެ ޖަނަވާރު އަނބުރާ ފޮނުވައިލުމުގައި އަމަލުކުރާނީ، މި ގާނޫނުގެ 34 ވަނަ މާއްދާގެ ދަށުން ޖަނަވާރު ރީ-އެކްސްޕޯޓްކުރުމުގައި އަމަލުކުރުމަށް ކަނޑައެޅިފައިވާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ޅ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުން އިތުރަށް ސްކްރީންކުރުމަށްފަހު އަދި/ނުވަތަ ޖަނަވާރުގެ ހާލަތު ބަލައި ފަރުވާދިނުމަށްފަހު، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާކަމުގައި މިނިސްޓްރީއަށް ގަބޫލުކުރެވޭނަމަ ޖަނަވާރު ކަރަންޓީނުކޮށްފައިވާ ފެސިލިޓީން ޖަނަވާރު ގެންދިޔުމުގެ ހުއްދަ އިމްޕޯޓްކުރި ފަރާތަށް ދޭންވާނެއެވެ.

(ކ) މި މާއްދާގެ (ހ) ނުވަތަ (ޅ) ގެ ދަށުން ޖަނަވާރު ކަރަންޓީނުކޮށްފައިވާ ފެސިލިޓީން ޖަނަވާރު ގެންދިޔުމުގެ ހުއްދަ އިމްޕޯޓްކުރި ފަރާތަށް ދިނުމަށްފަހު، މި ގާނޫނުގެ ދަށުން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި، އިމްޕޯޓްކުރި ފަރާތުން ތަކެއްޗާ ހަވާލުނުވެއްޖެނަމަ އަމަލުކުރާނެ ގޮތުގެ އިޖުރާއަތު، ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(އ) މި މާއްދާގެ (ށ) އަދި (ކ) ގެ ދަށުން މިނިސްޓްރީން އަޅާ ފިޔަވަޅުތައް ތަންފީޒުކުރުމަށް ހިނގާ އެންމެހައި ހަރަދަކަށް ޒިންމާވާނީ ޖަނަވާރު އިމްޕޯޓްކުރި ފަރާތުންނެވެ.

 

23 ވަނަ މާއްދާ - ޕޯޓް ކަރަންޓީން ފެސިލިޓީއެއް ގާއިމުކޮށް ހިންގުން

(ހ) ދިވެހިރާއްޖެއަށް އިމްޕޯޓްކުރާ ޖަނަވާރު މި ގާނޫނުގެ ދަށުން ސްކްރީންކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި، ވަގުތީގޮތުން އެ ޖަނަވާރު ގެންގުޅެ ބެލެހެއްޓޭނެ ކަރަންޓީން ފެސިލިޓީތައް، ޖަނަވާރު އިމްޕޯޓްކުރާ ބަނދަރުތަކުގައި، ސަރުކާރުން ގާއިމުކުރަންވާނެއެވެ.

(ށ) މި މާއްދާގެ ދަށުން ގާއިމުކުރާ ޕޯޓް ކަރަންޓީން ފެސިލިޓީތައް ހިންގާނީ، މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުންނެވެ.

(ނ) މި މާއްދާގެ ދަށުން ގާއިމުކުރާ ޕޯޓް ކަރަންޓީން ފެސިލިޓީތަކުގައި، މި މާއްދާގެ (ހ) ގައި ބަޔާންކުރާ މަގްސަދުތައް ހާސިލުކުރުމަށް އެކަށީގެންވާ ހިދުމަތްތަކާއި ވަސީލަތްތައް ގާއިމްވެފައި ހުންނަންވާނެއެވެ. އެގޮތުން، އެންމެ މަދުވެގެން އަންނަނިވި ހިދުމަތްތަކާއި ވަސީލަތްތަކާއި އިންތިޒާމުތައް އެތަނުގައި ހަމަޖެހިފައި ހުންނަންވާނެއެވެ.

(1) ފެސިލިޓީއަށް ގެނެވޭ ޖަނަވާރުގެ ސްކްރީނިންގ ހެދޭނެ ވަސީލަތްތައް ގާއިމުކުރުމާއެކު، އެކަންކަން ކުރުމަށް އެކަށީގެންވާ މުވައްޒަފުން ހަމަޖެހިފައި ހުރުން.

(2) ފެސިލިޓީއަށް ގެނެވޭ ޖަނަވާރު ގިންތިކޮށް އެކި ބާވަތުގެ ޖަނަވާރު ވަކިކޮށްފައި ބެހެއްޓުމަށާއި، ނުރައްކާތެރި ޖަނަވާރު ވަކިން ގެންގުޅެވޭ ގޮތަށް ވަސީލަތްތައް ގާއިމުވެފައި ހުރުން.

(3) ޖަނަވާރު އެއް ތަނުން އަނެއް ތަނަށް ގެންދެވޭނެ އެކަށީގެންވާ ވަސީލަތްތައް ހުރުން.

(4) ފެސިލިޓީއަށް ގެނެވޭ ޖަނަވާރަށް ބޭނުންވާ މިންވަރަށް ކާނާއާއި ސާފު ބޯފެން ލިބެން ހުރުން.

(5) ފެސިލިޓީއަށް ގެނެވޭ ޖަނަވާރަށް ދޭންޖެހޭ ވެކްސިންއާއި ބޭހާއި އެހެނިހެން ފަރުވާދެވޭނެ އިންތިޒާމު ހަމަޖެހިފައިވުން.

(6) ފެސިލިޓީއަށް ގެނެވޭ ޖަނަވާރު ކަރަންޓީނުކޮށް ވަކިން ގެންގުޅެވޭނެ ގޮތް ހަމަޖެހިފައި ހުރުން.

(7) ޒަމާނީ ޓެކްނޮލޮޖީގެ އާލާތްތަކާއި ވަސީލަތްތައް މެދުވެރިކޮށް ހިދުމަތް ދެވޭނެ، އަދި މައުލޫމާތު ރައްކާކޮށް ބެލެހެއްޓޭނެ ނިޒާމުތައް ގާއިމުވެފައިވުން.

(ރ) މި މާއްދާގެ ދަށުން ގާއިމުކުރާ ޕޯޓް ކަރަންޓީން ފެސިލިޓީތަކުން ލިބެން ހުންނަންވާނެ އިތުރު ވަސީލަތްތަކާއި، ހިދުމަތްތަކާއި، ހިދުމަތްތަކަށް ފީ ނެގުމުގެ އުސޫލާއި، ފެސިލިޓީ ހިންގުމާގުޅޭ އުސޫލުތަކާއި އިޖުރާއަތުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅައި އާންމުކުރަންވާނެއެވެ.

 

24 ވަނަ މާއްދާ - ވަގުތީގޮތުން އިމްޕޯޓްކުރެވޭ ޖަނަވާރު

މި ގާނޫނުގެ 20 ވަނަ މާއްދާގެ ދަށުން ދޫކުރާ އިމްޕޯޓް ހުއްދައިގެ ދަށުން ދިވެހިރާއްޖެއަށް އެތެރެކުރާ ޖަނަވާރަށް ކަމާބެހޭ ގާނޫނުގެ ދަށުން ކަނޑައެޅިފައިވާ އިމްޕޯޓް ޑިއުޓީ ދެއްކުން ލާޒިމުވާނެއެވެ.

 

25 ވަނަ މާއްދާ - ވަގުތީގޮތުން އިމްޕޯޓްކުރެވޭ ޖަނަވާރު 

(ހ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ބާވަތްތަކުގެ ޖަނަވާރު، ދިވެހިރާއްޖޭގައި ބޭނުންކުރުމަށްފަހު އަނބުރާ ގެންދާގޮތަށް ވަގުތީގޮތުން ދިވެހިރާއްޖެއަށް އިމްޕޯޓްކުރުމުގެ ހުއްދަ މި މާއްދާގައިވާ ގޮތުގެމަތިން މިނިސްޓްރީއަށް ދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ވަގުތީގޮތުން ދިވެހިރާއްޖެއަށް ޖަނަވާރު އިމްޕޯޓްކުރުމުގެ ހުއްދަ ދެވޭނީ، މި ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ނުވަތަ (ށ) ގައި ކަނޑައަޅާފައިވާ ބޭނުންތަކުގެ ތެރެއިން ބޭނުމަކަށެވެ. އަދި އެފަދަ ޖަނަވާރުގެ މައްޗަށް، މި ގާނޫނުގެ 47 ވަނަ މާއްދާއާއި 51 ވަނަ މާއްދާގައި ބަޔާންކުރާ އުސޫލުތައް ހިނގާނެއެވެ.

(ނ) މި މާއްދާގެ ދަށުން ދިވެހިރާއްޖެއަށް ވަގުތީގޮތުން އިމްޕޯޓްކުރެވޭ ޖަނަވާރަށް މި ގާނޫނުގެ 24 ވަނަ މާއްދާގައި ބަޔާންކުރާ އިމްޕޯޓް ޑިއުޓީ ދެއްކުން ލާޒިމުވެގެނެއް ނުވެއެވެ.

(ރ) މި މާއްދާގެ (ނ) އެހެން އޮތްނަމަވެސް، ވަގުތީގޮތުން ދިވެހިރާއްޖެއަށް ޖަނަވާރެއް އިމްޕޯޓްކުރެވޭނީ އެ ޖަނަވާރަކަށް ދައްކަންޖެހޭ އިމްޕޯޓް ޑިއުޓީއަށްވާ ފައިސާ، ސެކިއުރިޓީ ޑިޕޮސިޓެއްގެ ގޮތުގައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ބެހެއްޓުމަށްފަހުގައެވެ.

(ބ) މި މާއްދާގެ ދަށުން ވަގުތީގޮތުން ދިވެހިރާއްޖެއަށް ޖަނަވާރު އިމްޕޯޓްކުރުމުގެ ހުއްދަ ދެވޭނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ މުއްދަތަކަށެވެ. އަދި އެފަދައިން އެ ގަވާއިދުގެ ދަށުން ކަނޑައަޅާ މުއްދަތު، 12 (ބާރަ) މަސްދުވަހަށްވުރެ އިތުރުވެގެންނުވާނެއެވެ.

(ޅ) ވަގުތީގޮތުން ދިވެހިރާއްޖެއަށް އިމްޕޯޓްކުރުމުގެ ހުއްދަ ދީފައިވާ ޖަނަވާރެއް، މި މާއްދާގެ (ރ) ގެ ދަށުން ކަނޑައަޅާ މުއްދަތު ހަމަވުމުގެ ކުރިން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ދިވެހިރާއްޖެއިން ރީ-އެކްސްޕޯޓްކުރަންވާނެއެވެ.

(ކ) ވަގުތީގޮތުން އިމްޕޯޓްކުރެވޭ ޖަނަވާރެއް މި މާއްދާގެ (ޅ) ގައިވާ ގޮތުގެމަތިން އެކަމަށް ކަނޑައެޅިފައިވާ މުއްދަތުގައި ރީ-އެކްސްޕޯޓްކޮށްފައިނުވާނަމަ ނުވަތަ އެފަދަ ޖަނަވާރެއް ރީ-އެކްސްޕޯޓްކުރީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ ހިލާފަށް ކަމުގައިވާނަމަ، މި މާއްދާގެ (ރ) ގެ ދަށުން ބަހައްޓާފައިވާ ސެކިއުރިޓީ ޑިޕޮސިޓް އެ ޖަނަވާރު އިމްޕޯޓްކުރި ފަރާތަކަށް އަނބުރާ ނުދެވޭނެއެވެ. އަދި މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެފަރާތަކާމެދު ފިޔަވަޅު އެޅޭނެއެވެ.

(އ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި މާއްދާގެ ދަށުން ވަގުތީގޮތުން ދިވެހިރާއްޖެއަށް އިމްޕޯޓްކުރެވޭ ޖަނަވާރާ ގުޅޭގޮތުން މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ އިމްޕޯޓްކުރުމުގެ މިންގަނޑުތަކާއި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

 

26 ވަނަ މާއްދާ - އިމްޕޯޓްކުރުމަށް ނުވާގޮތަށް ހާއްސަ ބޭނުންތަކަށް ޖަނަވާރު އެތެރެކުރުން

(ހ) އަންނަނިވި ގިންތީގެ ޖަނަވާރު އިމްޕޯޓްކުރުމަށް ނުވާގޮތަށް އަންނަނިވި ބޭނުންތަކަށް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ދެވިދާނެއެވެ.

(1) އަންނަނިވި ބޭނުންތަކަށްޓަކައި ދައުލަތުގެ ކަމާބެހޭ އިދާރާތަކުން އެތެރެކުރާ ޖަނަވާރު:

  1. ގާނޫނު ތަންފީޒުކުރުމުގެ ބޭނުމަށް.
  2. ގާނޫނު ހުއްދަކުރާ ހާއްސަ ބޭނުމަކަށް.

(2) ދިވެހިރާއްޖެއިން ބޭރުގައި ދިރިއުޅުމަށްފަހު ދިވެހިރާއްޖެއަށް ދިރިއުޅުން ބަދަލުކުރާ ދިވެހިރައްޔިތުން ގެންނަ އެކުގައި، އޮޅުކޮށްގެން، ގެންގުޅޭ ޖަނަވާރު.

(ށ) މި މާއްދާގެ (ހ) ގެ (1) ގެ (i) ވަނަ ނަންބަރުގެ ދަށުން ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ދެވޭނީ، މި ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކުރާ ޖަނަވާރެވެ.

(ނ) މި މާއްދާގެ (ހ) ގެ (1) ގެ (ii) ވަނަ ނަންބަރުގެ ދަށުން ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ދެވޭނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ހާއްސަ ބޭނުންތަކަށެވެ. އެ ބޭނުންތައް ވާންވާނީ، ވިޔަފާރިނޫން ބޭނުމަކަށެވެ.

(ރ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ދިވެހިރާއްޖެއަށް ޖަނަވާރު އެތެރެކުރުމުގެ ހުއްދަ ދެވޭނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ދައުލަތުގެ އިދާރާތަކަށެވެ.

(ބ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ދެވޭނީ، އެ ނަންބަރުގައި ބަޔާންކުރާ ފަރާތްތަކުން އެމީހުންނާ އެކުގައި ގެންނަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ހުއްދަކުރާ ބާވަތުގެ އަދި އެ ގަވާއިދުގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާ އެކުގައި އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރެވެ.

(ޅ) މި މާއްދާގެ (ހ) ގެ ދަށުން ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ދޭންވާނީ، ދިވެހިރާއްޖޭގައި އެ ޖަނަވާރެއް ބަލަހައްޓައި ކޮންޓްރޯލްކުރުމުގެ ވަސީލަތްތައް ގާއިމުވެފައިވާ ބާވަތުގެ ޖަނަވާރެވެ.

(ކ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ދިވެހިރާއްޖެއަށް ގެނައުން މަނާ ބާވަތުގެ ޖަނަވާރެއް، ނުވަތަ ދިވެހިރާއްޖޭގެ ހުއްދަކުރެވިފައިވާ ވަކި އިދާރާއަކަށް ނުވަތަ ފަރާތަކަށް މެނުވީ ގެނައުން މަނާ ބާވަތުގެ ޖަނަވާރެއް ނުވަތަ ދިވެހިރާއްޖެއަށް ޖަނަވާރު އެތެރެކުރުން މަނާ ކަމަށް ކަނޑައަޅާފައިވާ ގައުމަކުން ގެނެވޭ ޖަނަވާރު އެތެރެކުރުމުގެ ހުއްދައެއް މި މާއްދާގެ ދަށުން ލިބިގެނެއްނުވެއެވެ.

(އ) މި މާއްދާގެ ދަށުން، އިމްޕޯޓްކުރުމަށް ނުވާގޮތަށް ދިވެހިރާއްޖެއަށް ޖަނަވާރު އެތެރެކުރުމުގެ ހުއްދަ ދެވޭނެ ހާލަތްތަކާއި، ށަރުތުތަކާއި އެ ހުއްދައިގެ ދަށުން ޖަނަވާރު އެތެރެކުރުމުގައި، އަދި ދިވެހިރާއްޖޭގައި ގެންގުޅުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

27 ވަނަ މާއްދާ - ދަތުރުވެރިންނާއެކު ގެންނަ ޖަނަވާރު ވަގުތީގޮތުން އެތެރެކުރުން

(ހ) ދިވެހިރާއްޖެއިން ބޭރުން ދިވެހިރާއްޖެއަށް އަންނަ ދަތުރުވެރިން ގެންނަ އޮޅުކޮށްގެން އެކުގައި ގެންގުޅޭ ޖަނަވާރު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން ދިވެހިރާއްޖެއަށް ވަގުތީގޮތުން އެތެރެކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދިވެހިރާއްޖެއަށް އެތެރެކުރުމަށް ހުއްދަކުރެވޭނީ، އޮޅުކޮށްގެން އެކުގައި ގެންގުޅޭ ޖަނަވާރުގެ ގޮތުގައި ދިވެހިރާއްޖޭގައި ގެންގުޅުމަށް ހުއްދަކުރެވޭ ޖަނަވާރުގެ ތެރެއިން، ވަގުތީގޮތުން ދިވެހިރާއްޖެއަށް އެތެރެކުރަން ހުއްދަކުރެވޭ ޖަނަވާރު ކަމަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ، އަދި އެ ގަވާއިދުގައި ކަނޑައަޅާ ށަރުތުތައް ފުރިހަމަވާ ޖަނަވާރެވެ.

(ނ) މި މާއްދާގެ ދަށުން ދިވެހިރާއްޖެއިން ބޭރުން އަންނަ ދަތުރުވެރިންނަށް ގެނެވޭނީ އެމީހެއްގެ އަމިއްލަ ޖަނަވާރެވެ. އަދި އެފަދައިން ގެންނަ ޖަނަވާރު ގެނެވޭނީ، ހަމައެކަނި އެ ދަތުރުގެ މުއްދަތަށް އެމީހަކު ހުރުމަށް ހުއްދަކޮށްފައިވާ ތަނެއްގައި އިތުރު ސަރަހައްދުތަކަށް ގެންދިޔުމުގެ ހުއްދަ ލިބިނުދެވޭ ގޮތަށް، ގެންގުޅުމަށް އަދި އެމީހަކު ދިވެހިރާއްޖެއިން ފުރާއިރު އެނބުރި ގެންދާ ގޮތަށެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގަވާއިދުގައި މަދުވެގެން އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

(1) އޮޅުކޮށްގެން އެކުގައި ގެންގުޅޭ ޖަނަވާރުގެ ގޮތުގައި ދިވެހިރާއްޖޭގައި ގެންގުޅުމަށް ހުއްދަކުރެވޭ ޖަނަވާރުގެ ދަތުރުވެރިންނާއެކު ގެނައުމަށް ހުއްދަކުރެވޭނެ ބާވަތުގެ ޖަނަވާރާއި އެ ޖަނަވާރު ގެނައުމުގެ ށަރުތު؛

(2) ދަތުރުވެރިއަކަށް ގެނެވޭނެ ޖަނަވާރުގެ އަދަދު؛

(3) ދަތުރުވެރިން ގެންނަ ޖަނަވާރަކީ އެމީހެއްގެ އަމިއްލަ އެއްޗެއްކަން ހެކިކޮށްދޭ ލިޔެކިޔުމާއި، އެ ޖަނަވާރާ ގުޅޭގޮތުން ފުރިހަމަވާންޖެހޭ ވެކްސިނޭށަން އަދި ސަރޓިފިކޭށަންގެ މައުލޫމާތު؛

(4) ދަތުރުވެރިންނާއެކު ޖަނަވާރު ގެނައުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތު؛

(5) ދަތުރުވެރިންނާއެކު ގެނެވޭ ޖަނަވާރު ގެނައުމުގައި ނުވަތަ ގެނައުމަށްފަހުގައި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ހިލާފުވެއްޖެނަމަ އެޅޭނެ ފިޔަވަޅުތައް.

(ބ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، ދިވެހިރާއްޖެއަށް ގެނައުން މަނާ ބާވަތުގެ ޖަނަވާރެއް، ނުވަތަ ދިވެހިރާއްޖޭގެ ހުއްދަކުރެވިފައިވާ ވަކި އިދާރާއަކަށް ނުވަތަ ފަރާތަކަށް މެނުވީ ގެނައުން މަނާ ބާވަތުގެ ޖަނަވާރެއް ނުވަތަ ދިވެހިރާއްޖެއަށް ޖަނަވާރު އެތެރެކުރުން މަނާ ކަމަށް ކަނޑައަޅާފައިވާ ގައުމަކުން ގެނެވޭ ޖަނަވާރު އެތެރެކުރުމުގެ ހުއްދައެއް މި މާއްދާގެ ދަށުން ލިބިގެނެއްނުވެއެވެ.

 

 

ހަތަރުވަނަ ބާބު

ޖަނަވާރު އެކްސްޕޯޓްކުރުމާއި ރީއެކްސްޕޯޓްކުރުން

 

28 ވަނަ މާއްދާ - ދިވެހިރާއްޖެއިން ޖަނަވާރު އެކްސްޕޯޓްކުރުމުގެ ށަރުތުތައް

(ހ) ދިވެހިރާއްޖެއިން ޖަނަވާރު އެކްސްޕޯޓްކުރެވޭނީ އަންނަނިވި ށަރުތުތައް ފުރިހަމަވާނަމައެވެ.

(1) އެކްސްޕޯޓްކުރެވޭ ޖަނަވާރަކީ ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ހޯދާފައިވާ ޖަނަވާރެއްކަން ޔަގީންކުރެވުމާއެކު، މި ގާނޫނުގެ ދަށުން ނުވަތަ ކަމާބެހޭ އެހެން ގާނޫނެއްގެ ދަށުން، ދިވެހިރާއްޖެއިން އެކްސްޕޯޓްކުރުން، މަނާކޮށްފައިވާ ޖަނަވާރެއް ކަމުގައި ނުވުން؛

(2) ޖަނަވާރު އެކްސްޕޯޓްކުރަނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ހުއްދަކުރާ ބޭނުންތަކުގެ ތެރެއިން ބޭނުމަކަށް ކަމުގައިވުން؛

(3) އެ ޖަނަވާރު އެކްސްޕޯޓްކުރާ ފަރާތަކީ، މި ގާނޫނުގެ 31 ވަނަ މާއްދާގެ ދަށުން މިނިސްޓްރީގައި ރަޖިސްޓަރީވެފައިވާ ފަރާތެއް ކަމުގައިވުން؛

(4) އެ ޖަނަވާރު އެކްސްޕޯޓްކުރުމަށް، މި ގާނޫނުގެ 32 ވަނަ މާއްދާގައި ބަޔާންކުރާ އެކްސްޕޯޓް ހުއްދަ ލިބިފައިވުން؛

(5) އެ ޖަނަވާރާ ގުޅޭގޮތުން މި ގާނޫނުގެ 33 ވަނަ މާއްދާގައި ބަޔާންކުރާ ވެޓެރިނަރީ ސަރޓިފިކޭށަން ފުރިހަމަވެފައިވުން؛

(6) އެ ޖަނަވާރަކީ، ކަމާބެހޭ ގާނޫނެއްގެ ދަށުން ހިމާޔަތްކޮށްފައިވާ، ހާއްސަ ބޭނުންތަކަށް ދިވެހިރާއްޖެއިން އެކްސްޕޯޓްކުރުމުގެ ހުއްދަ އޮތް ޖަނަވާރެއްނަމަ، އެ ޖަނަވާރު އެކްސްޕޯޓްކުރުމުގެ ހުއްދަ ކަމާބެހޭ އިދާރާއިން ދީފައިވުން؛

(7) އެކްސްޕޯޓްކުރާ ޖަނަވާރަކީ ދިވެހިރާއްޖެއިން އެކްސްޕޯޓްކުރުމަށް ކަމާބެހޭ އިދާރާއެއްގެ އެނޫންވެސް، ހާއްސަ ހުއްދައެއް ބޭނުންވާ ޖަނަވާރެއް ކަމުގައިވާނަމަ، އެ ހުއްދަ ލިބިފައިވުން؛

(8) އެ ޖަނަވާރަކީ، ދިވެހިރާއްޖޭގައި އާންމުކޮށް، ދިރިއުޅޭ ޖަނަވާރެއްނަމަ، އެ ޖަނަވާރު އެކްސްޕޯޓްކުރުމުގެ ސަބަބުން އޭގެ ގުދުރަތީ އާބާދީއަށް، ގެއްލުމެއް ނުލިބޭނެކަމުގެ ޔަގީންކަން ކަމާބެހޭ، އިދާރާއިން ދީފައިވުން؛

(9) އެ ޖަނަވާރު އެކްސްޕޯޓްކުރުމަށް، ހަމަޖައްސާފައިވަނީ، އޭގެ ސިއްހަތަށް ލިބިދާނެ ގެއްލުމުން ސަލާމަތްކުރެވޭނެ ގޮތަށް

އަދި އެ އެއްޗަކާމެދު، އިހާނެތި ގޮތަކަށް އަމަލުނުކުރެވޭނެ ގޮތަކަށްކަން ކަށަވަރުކުރެވުން.

(10) އެ ޖަނަވާރަކީ، އެ ޖަނަވާރު އެކްސްޕޯޓްކުރުމަށް އެ އެއްޗެއް އެކްސްޕޯޓްކުރި ގައުމުގެ ކަމާބެހޭ އިދާރާއަކުން، ދޫކުރަންޖެހޭ ހުއްދައެއް އޮތުން ލާޒިމުކުރާ ބާވަތުގެ ޖަނަވާރެއްނަމަ އެ ހުއްދަ ނުވަތަ ހުއްދަތައް ލިބިފައިވުން.

(11) އެކްސްޕޯޓްކުރެވޭ ޖަނަވާރާ ގުޅޭގޮތުން ފުރިހަމަވާންޖެހޭ ކަމަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެނޫންވެސް ކަންކަމާއި ލިޔެކިޔުން ފުރިހަމަވެފައިވުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ށަރުތުތަކުގެ އިތުރު ތަފްސީލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ށަރުތުތަކުގެ އިތުރުން، ދިވެހިރާއްޖެއަށް ޖަނަވާރު އެކްސްޕޯޓްކުރުމާގުޅޭ އިތުރު ށަރުތުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި މިނިސްޓްރީއަށް ކަނޑައެޅިދާނެއެވެ.

(ރ) މި މާއްދާގެ (ށ) އަދި (ނ) ގެ ދަށުން މިނިސްޓްރީން ކަނޑައަޅާ ށަރުތުތައް ކަނޑައަޅަންވާނީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ޖަނަވާރުގެ ސިއްހަތާއި ވިޔަފާރިއާ ގުޅުންހުރި ބައިނަލްއަގްވާމީ މުއާހަދާތަކާއި އެއްބަސްވުންތަކާއި ވަރލްޑް އޯގަނައިޒޭށަން ފޯރ އެނިމަލް ހެލްތްގެ ކަމާގުޅޭ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

29 ވަނަ މާއްދާ - އެކްސްޕޯޓްކުރުން މަނާ ޖަނަވާރު

(ހ) މި ގާނޫނުގެ ދަށުން، ނުވަތަ އެހެން ގާނޫނެއްގެ ދަށުން ދިވެހިރާއްޖެއިން އެކްސްޕޯޓްކުރުން މަނާ ކަމަށް ކަނޑައަޅާފައިވާ އެއްވެސް ބާވަތެއްގެ ޖަނަވާރެއް ދިވެހިރާއްޖެއިން އެކްސްޕޯޓްކޮށްގެންނުވާނެއެވެ.

(ށ) ދިވެހިރާއްޖެއިން އެކްސްޕޯޓްކުރުން މަނާ ޖަނަވާރުގެ ބާވަތްތައް، މި މާއްދާގައިވާ ގޮތުގެމަތިން މިނިސްޓްރީން އެކުލަވާލައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ކަނޑައަޅަންޖެހޭ ޖަނަވާރުގެ ބާވަތްތައް ކަނޑައަޅަންވާނީ، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ޖަނަވާރުގެ ސިއްހަތާއި ވިޔަފާރިއާ ގުޅުންހުރި ބައިނަލްއަގްވާމީ މުއާހަދާތަކާއި އެއްބަސްވުންތަކާއި، އެނޫންވެސް ބައިނަލްއަގްވާމީ މުއާހަދާތަކާއި އެއްބަސްވުންތަކާއި، ދިވެހިރާއްޖޭގެ ކަމާބެހޭ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން، އަދި ކަމާގުޅުންހުރި ސަރުކާރުގެ އެހެން އިދާރާތަކުގެ ލަފަޔާއެކުގައެވެ.

(ރ) މި މާއްދާގެ (ށ) ގެ ދަށުން ކަނޑައަޅަންޖެހޭ ޖަނަވާރުގެ ބާވަތްތައް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ކަނޑައަޅައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ށ) ގެ ދަށުން ކަނޑައަޅާ ޖަނަވާރުގެ ބާވަތްތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މުރާޖައާކޮށް ކަމާބެހޭ އިދާރާތަކުގެ ލަފަޔާއެކު، އެ ބާވަތްތަކަށް އުނިއިތުރު ގެނައުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި އެފަދައިން ގެނެވޭ ބަދަލުތައް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

30 ވަނަ މާއްދާ - ޖަނަވާރު އެކްސްޕޯޓްކުރުމުގެ މިންގަނޑުތައް

(ހ) ދިވެހިރާއްޖެއިން އެކްސްޕޯޓްކުރާ ޖަނަވާރުގައި އަދި އެ ޖަނަވާރު އެކްސްޕޯޓްކުރުމުގެ ކަންކަން ކުރުމުގައި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެކްސްޕޯޓްކުރުމުގެ މިންގަނޑުތަކާއި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އެކްސްޕޯޓްކުރުމުގެ މިންގަނޑުތަކާއި ށަރުތުތައް މިނިސްޓްރީން ކަނޑައަޅައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. އަދި، އެ މިންގަނޑުތަކާއި ށަރުތުތައް މިނިސްޓްރީން ކަނޑައަޅަންވާނީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ޖަނަވާރުގެ ސިއްހަތާއި ވިޔަފާރިއާ ގުޅުންހުރި ބައިނަލްއަގްވާމީ މުއާހަދާތަކާއި އެއްބަސްވުންތަކާއި، ވަރލްޑް އޯގަނައިޒޭށަން ފޯރ އެނިމަލް ހެލްތްގެ ކަމާގުޅޭ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

31 ވަނަ މާއްދާ - ޖަނަވާރު އެކްސްޕޯޓްކުރާ ފަރާތްތައް ރަޖިސްޓަރީކުރުން

(ހ) ދިވެހިރާއްޖެއިން ޖަނަވާރު އެކްސްޕޯޓްކުރާ ކޮންމެ ފަރާތެއްވެސް، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން މިނިސްޓްރީގައި ރަޖިސްޓަރީކުރަންވާނެއެވެ.

(ށ) މި މާއްދާގެ ދަށުން ރަޖިސްޓަރީކުރަންޖެހޭ ފަރާތްތައް ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓްރީއަށެވެ.

(ނ) މި މާއްދާގެ ދަށުން ރަޖިސްޓަރީކުރަންޖެހޭ ފަރާތްތައް ރަޖިސްޓަރީކުރުމުގެ ށަރުތުތަކާއި، ރަޖިސްޓަރީކުރުމަށް އެދި ހުށަހެޅުމުގައި އެފަރާތްތަކުން ފުރިހަމަކުރަންޖެހޭ ކަންކަމާއި، އެފަރާތްތައް ރަޖިސްޓަރީކޮށްދިނުމުގައި މިނިސްޓްރީން އަމަލުކުރަންޖެހޭ އުސޫލުތަކާއި އިޖުރާއަތުތައް މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

32 ވަނަ މާއްދާ - އެކްސްޕޯޓް ހުއްދަ

(ހ) މި ގާނޫނުގެ 31 ވަނަ މާއްދާގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް ދިވެހިރާއްޖެއިން ޖަނަވާރު އެކްސްޕޯޓްކުރެވޭނީ، އެކްސްޕޯޓްކުރަން އެދޭ ޖަނަވާރުގެ ކޮންމެ ކޮންސައިންމަންޓަކަށް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން ދޫކުރާ އެކްސްޕޯޓް ހުއްދަ ހޯދުމަށްފަހުއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އެކްސްޕޯޓް ހުއްދަ ދޫކުރުމުގެ ށަރުތުތަކާއި، ހުއްދައިގެ މުއްދަތާއި، ހުއްދަ ބާތިލުކުރެވޭނެ ހާލަތްތަކާއި، ހުއްދަ ދޫކުރުމަށް ފީ ނެގޭނެ އުސޫލުތަކާއި، ހުއްދަ ހޯދުމަށް އެދި ހުށަހަޅަންޖެހޭ މައުލޫމާތާއި، ލިޔެކިޔުމާއި، ހުއްދަ ސަރުކާރުގެ ގެޒެޓް ދޫކުރުމުގައި އަމަލުކުރެވޭނެ އުސޫލުތަކާއި އިޖުރާއަތުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހުއްދައަށް އެދި ހުށަހަޅާނީ މިނިސްޓްރީއަށެވެ. އަދި މިނިސްޓްރީން އެފަރާތަކަށް އެކްސްޕޯޓް ހުއްދަ ދޫކުރުމަށް ނިންމަންވާނީ، އެފަރާތުން ހުށަހަޅާ ލިޔެކިޔުމުގެ ސައްހަކަން ބެލުމަށްފަހު އެފަރާތުގެ ކިބައިގައި އަދި، ޖަނަވާރުގެ ކޮންސައިންމަންޓްގައި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެންމެހައި ށަރުތުތައް ފުރިހަމަވާނަމައެވެ. އެކްސްޕޯޓް ހުއްދަ ހޯދުމަށް ހުށަހަޅާފައިވާ ލިޔެކިޔުމުގެ ސައްހަކަން ކަށަވަރުނުވާނަމަ ނުވަތަ ލިޔުމެއްގައި ފުރިހަމަވާންޖެހޭ އިޖުރާއަތު ފުރިހަމަނުވާނަމަ، އެކްސްޕޯޓް ހުއްދަ ދޫކޮށްގެންނުވާނެއެވެ.

(ރ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ދިވެހިރާއްޖެއިން އެކްސްޕޯޓްކުރުމަށް އެދޭ ޖަނަވާރަކީ، ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ގާނޫނުގައި ބަޔާންކުރާ ޖަނަވާރެއްނަމަ އެ ގާނޫނުގައި ބަޔާންކުރާ އިޖުރާއަތުތައް ފުރިހަމަކުރަންވާނެއެވެ.

 

33 ވަނަ މާއްދާ - އެކްސްޕޯޓްކުރާ ޖަނަވާރު ސްކްރީންކުރުމާއި އިންޓަރނޭށަނަލް ވެޓެރިނަރީ ސެޓްފިކެޓް ދޫކުރުން

(ހ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ހާލަތްތަކުގައި، ދިވެހިރާއްޖެއިން އެކްސްޕޯޓްކުރާ ޖަނަވާރު ބަލައި ފާސްކުރުމަށްފަހު، އިންޓަރނޭށަނަލް ވެޓެރިނަރީ ސެޓްފިކެޓް މިނިސްޓްރީން ދޫކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދޫކުރާ އިންޓަރނޭށަނަލް ވެޓެރިނަރީ ސެޓްފިކެޓް ދޫކުރަންވާނީ، ޖަނަވާރު އިމްޕޯޓްކުރުމަށް ކަނޑައެޅިފައިވާ ގައުމުގެ ކަމާބެހޭ އިދާރާއިން ކަނޑައަޅާފައިވާ މިންގަނޑުތައް ފުރިހަމަވާ ގޮތުގެމަތިންނެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން އިންޓަރނޭށަނަލް ވެޓެރިނަރީ ސެޓްފިކެޓް ދޫކުރުމުގެ ށަރުތުތަކާއި އެކަމަށް އެދި ހުށަހަޅަންޖެހޭ ގޮތާއި، ހުށަހަޅަންޖެހޭ މައުލޫމާތާއި ލިޔެކިޔުމާއި އެ ސެޓްފިކެޓް ދޫކުރުމުގައި އަމަލުކުރެވޭނެ އުސޫލުތަކާއި އިޖުރާއަތުތަކާއި އެކަމަށް ކަނޑައެޅިފައިވާ ފީއާބެހޭ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

34 ވަނަ މާއްދާ - ޖަނަވާރު ރީއެކްސްޕޯޓްކުރުން

(ހ) މި ގާނޫނުގެ 25 ވަނަ މާއްދާގެ ދަށުން ރީއެކްސްޕޯޓްކުރުމުގެ ބޭނުމަށް ދިވެހިރާއްޖެއަށް އިމްޕޯޓްކުރެވޭ ޖަނަވާރާއި މި ގާނޫނުގެ ދަށުން ޖަނަވާރު އިމްޕޯޓްކުރި ގައުމަށް އަނބުރާ ފޮނުވައިލުމަށް ނިންމާ ޖަނަވާރު، މާއްދާގައިވާ ގޮތުގެމަތިން ރީއެކްސްޕޯޓްކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޖަނަވާރު ރީ-އެކްސްޕޯޓްކުރެވޭނީ އަންނަނިވި ށަރުތުތައް ފުރިހަމަވާނަމައެވެ.

(1) ރީއެކްސްޕޯޓްކުރެވޭ ޖަނަވާރަކީ އެ އެއްޗެއް ގެންދިޔުމަށް ކަނޑައަޅާފައިވާ ގައުމަށް އިމްޕޯޓްކުރުމުގެ ހުއްދަ އޮތް ޖަނަވާރެއް ކަމުގައިވުން.

(2) ޖަނަވާރު ރީ-އެކްސްޕޯޓްކުރަނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ހުއްދަކުރާ ބޭނުންތަކުގެ ތެރެއިން ބޭނުމަކަށް ކަމުގައިވުން.

(3) ޖަނަވާރު ރީއެކްސްޕޯޓްކުރާ ފަރާތަކީ، ޖަނަވާރު ރީ-އެކްސްޕޯޓްކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތެއް ކަމުގައިވުން.

(4) އެ ބާވަތުގެ ޖަނަވާރު ރީ-އެކްސްޕޯޓްކުރުމާ ގުޅޭގޮތުން އެހެން ގާނޫނެއްގައި ވަކި ށަރުތުތަކެއް ކަނޑައަޅާފައިވާނަމަ، ނުވަތަ ވަކި ހުއްދައެއް އޮތުން ލާޒިމުކޮށްފައިވާނަމަ، އެކަންކަން ފުރިހަމަވެފައިވުން.

(5) އެ ޖަނަވާރު ދިވެހިރާއްޖެއިން ގެންދިޔުމަށް ހަމަޖައްސާފައިވަނީ، އޭގެ ސިއްހަތަށް ލިބިދާނެ ގެއްލުމުން ސަލާމަތްކުރެވޭނެ ގޮތަށް އަދި އެ އެއްޗަކާމެދު އިހާނެތި ގޮތަކަށް އަމަލުނުކުރެވޭނެ ގޮތަކަށްކަން ކަށަވަރުކުރެވުން.

(6) ރީއެކްސްޕޯޒްކުރެވޭ ޖަނަވާރާ ގުޅޭގޮތުން، ފުރިހަމަވާންޖެހޭ ކަމަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެނޫންވެސް، ކަންކަމާއި ލިޔެކިޔުން ފުރިހަމަވެފައިވުން.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ށަރުތުތަކުގެ އިތުރު، ތަފްސީލުތަކާއި އިތުރު، ށަރުތުތައް މި ގާނޫނުގެ ދަށުން، ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ރ) ދިވެހިރާއްޖެއިން ޖަނަވާރު ރީ-އެކްސްޕޯޓްކުރެވޭނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ރީއެކްސްޕޯޒްކުރުމުގެ ހުއްދަ ދޫކޮށްފައިވާ ފަރާތްތަކަށެވެ.

(ބ) ދިވެހިރާއްޖެއިން ޖަނަވާރު ރީއެކްސްޕޯޒްކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތަކާއި، އިޖުރާއަތުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގެ ދަށުން މިނިސްޓްރީން އެކުލަވާލަންޖެހޭ ގަވާއިދު އެކުލަވާލަންވާނީ، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ޖަނަވާރުގެ ސިއްހަތާއި ވިޔަފާރިއާ ގުޅުންހުރި ބައިނަލްއަގްވާމީ މުއާހަދާތަކާއި އެއްބަސްވުންތަކާއި ވަރލްޑް އޯގަނައިޒޭށަން ފޯރ އެނިމަލް ހެލްތްގެ ކަމާގުޅޭ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

 

ފަސްވަނަ ބާބު

ޖަނަވާރުގެ ބައިތަކާއި ބޭހާއި ކާނާ

 

35 ވަނަ މާއްދާ - ޖަނަވާރުގެ ބައިތައް ދިވެހިރާއްޖެއަށް އެތެރެކުރުން، ހުއްދަ

(ހ) ދިވެހިރާއްޖެއަށް އެތެރެކުރެވޭނީ އަންނަނިވި ޖަނަވާރުގެ ބައިތަކުގެ ތެރެއިން، މި މާއްދާގެ (ނ) ގެ ދަށުން، މިނިސްޓްރީން ކަނޑައަޅާ ޖަނަވާރުގެ ބައިތަކެވެ.

(1) ނަސްލު އާލާކުރުމަށް ބޭނުންކުރާ ޖަނަވާރުގެ ބައިތައް

(2) ޖަނަވާރުގެ އަސްލުން އުފައްދާފައިވާ އިންސާނުން ކެއުމަށް ބޭނުންނުކުރެވޭ ބައިތައް

(ށ) މި ގާނޫނުގެ ދަށުން ނުވަތަ އެހެން ގާނޫނެއްގެ ދަށުން ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ކަމަށް ކަނޑައަޅާފައިވާ އެއްވެސް ބާވަތެއްގެ ޖަނަވާރުގެ ބައެއް ދިވެހިރާއްޖެއަށް އެތެރެކޮށްގެންނުވާނެއެވެ.

(ނ) ދިވެހިރާއްޖެއަށް އެތެރެކުރުން ހުއްދަ ޖަނަވާރުގެ ބައިތައް، މިނިސްޓްރީން ކަނޑައަޅައި، ދިވެހިސަރުކާރުގެ ގެޒެޓްގައި ށާއިއުކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ކަނޑައަޅަންޖެހޭ ޖަނަވާރުގެ ބައިތައް ކަނޑައަޅަންވާނީ، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ޖަނަވާރުގެ ސިއްހަތާއި ވިޔަފާރިއާ ގުޅުންހުރި ބައިނަލްއަގްވާމީ މުއާހަދާތަކާއި އެއްބަސްވުންތަކާއި އެނޫންވެސް ކަމާގުޅޭ ބައިނަލްއަގްވާމީ މުއާހަދާތަކާއި އެއްބަސްވުންތަކާއި، ދިވެހިރާއްޖޭގެ ކަމާބެހޭ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން، ސަރުކާރުގެ ކަމާބެހޭ އެހެން އިދާރާތަކުގެ ލަފަޔާއެކުގައެވެ.

(ބ) މި މާއްދާގެ (ނ) ގެ ދަށުން ކަނޑައަޅަންޖެހޭ ޖަނަވާރުގެ ބައިތައް މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ކަނޑައަޅައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

(ޅ) މި މާއްދާގެ (ނ) ގެ ދަށުން ކަނޑައަޅާ ޖަނަވާރުގެ ބައިތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މުރާޖައާކޮށް ކަމާބެހޭ އިދާރާތަކުގެ ލަފަޔާއެކު އެ ބާވަތްތަކަށް އުނިއިތުރު ގެނައުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި އެފަދައިން ގެނެވޭ ބަދަލުތައް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

36 ވަނަ މާއްދާ - ޖަނަވާރުގެ ބައިތައް އިމްޕޯޓްކުރުން

(ހ) ދިވެހިރާއްޖެއަށް އެތެރެކުރުން ހުއްދަ ޖަނަވާރުގެ ބައިތަކުގެ ތެރެއިން މި ގާނޫނުގެ 35 ވަނަ މާއްދާގެ (ހ)ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ޖަނަވާރުގެ ބައިތައް ދިވެހިރާއްޖެއަށް އިމްޕޯޓްކުރެވޭނީ، ޖަނަވާރު ވިއްސައި އާލާކުރުމަށްޓަކައި މި ގާނޫނުގެ 47 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.

(ށ) ދިވެހިރާއްޖެއަށް އެތެރެކުރުން ހުއްދަ ޖަނަވާރުގެ ބައިތަކުގެ ތެރެއިން މި ގާނޫނުގެ 35 ވަނަ މާއްދާގެ (ހ)ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ޖަނަވާރުގެ ބައިތައް ދިވެހިރާއްޖެއަށް އިމްޕޯޓްކުރެވޭނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ބޭނުންތަކަށް މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.

(ނ) މި މާއްދާގެ (ހ) ނުވަތަ (ށ) ގެ ދަށުން ދިވެހިރާއްޖެއަށް ޖަނަވާރުގެ ބައިތައް އިމްޕޯޓްކުރާ ކޮންމެ ފަރާތަކުންވެސް މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން މިނިސްޓްރީގައި ރަޖިސްޓަރީކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ދިވެހިރާއްޖެއަށް ޖަނަވާރުގެ ބައިތައް އިމްޕޯޓްކުރުމަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް ޖަނަވާރުގެ ބައިތައް އިމްޕޯޓްކުރެވޭނީ އިމްޕޯޓްކުރަން އެދޭ ޖަނަވާރުގެ ބައިތަކުގެ ކޮންމެ ކޮންސައިންމަންޓަކަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން ދޫކުރާ އިމްޕޯޓް ހުއްދަ ހޯދުމަށްފަހުގައެވެ.

(ބ) ދިވެހިރާއްޖެއަށް އިމްޕޯޓްކުރާ ޖަނަވާރުގެ ބައިތަކުގައާއި، އަދި އެ ބައިތައް އިމްޕޯޓްކުރުމުގެ ކަންކަން ކުރުމުގައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އިމްޕޯޓްކުރުމުގެ މިންގަނޑުތަކާއި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

(ޅ) މި މާއްދާގެ (ހ) ގެ ދަށުން ހަދާ ގަވާއިދުގައި، ރަޖިސްޓަރީކުރަންޖެހޭ ޖަނަވާރުގެ ބައިތައް އިމްޕޯޓްކުރާ ފަރާތްތައް ރަޖިސްޓަރީކުރުމުގެ ށަރުތުތަކާއި، ރަޖިސްޓަރީކުރުމަށް އެދި ހުށަހެޅުމުގައި، އެފަރާތްތަކުން ފުރިހަމަކުރަންޖެހޭ ކަންކަމާއި، އެފަރާތްތައް ރަޖިސްޓަރީކޮށްދިނުމުގައި މިނިސްޓްރީން އަމަލުކުރަންޖެހޭ އުސޫލުތަކާއި އިޖުރާއަތުތައް ހިމަނަންވާނެއެވެ.

(ކ) މި މާއްދާގެ (ރ) ގައި ބަޔާންކުރާ އިމްޕޯޓް ހުއްދަ ދޫކުރުމުގެ ށަރުތުތަކާއި، ހުއްދައިގެ މުއްދަތާއި، ހުއްދަ ބާތިލުކުރެވޭނެ ހާލަތްތަކާއި، ހުއްދަ ދޫކުރުމަށް ފީ ނެގޭނެ އުސޫލުތަކާއި، ހުއްދަ "ހޯދުމަށް އެދި ހުށަހަޅަންޖެހޭ މައުލޫމާތާއި، ލިޔެކިޔުމާއި ހުއްދަ ދޫކުރުމުގައި އަމަލުކުރެވޭނެ އުސޫލުތަކާއި އިޖުރާއަތުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(އ) ދިވެހިރާއްޖެއަށް އިމްޕޯޓްކުރެވޭ ޖަނަވާރުގެ ބައިތަކުގައާއި، އަދި އެ ބައިތައް އިމްޕޯޓްކުރުމުގައި ފުރިހަމަވާންޖެހޭ މިންގަނޑުތަކާއި ށަރުތުތަކާއި އެ މިންގަނޑުތަކާއި ށަރުތުތައް ފުރިހަމަވާކަން އަންގައިދޭ ލިޔެކިޔުމާގުޅޭ އުސޫލުތަކާއި، އެނޫންވެސް ކަމާގުޅޭ އުސޫލުތައް، މި މާއްދާގެ (ކ) ގެ ދަށުން ހަދާ ގަވާއިދުގައި ހިމަނަންވާނެއެވެ.

(ވ) މި މާއްދާގެ (ރ) އެހެން އޮތްނަމަވެސް، ދިވެހިރާއްޖެއަށް އިމްޕޯޓްކުރުމަށް އެދޭ ޖަނަވާރުގެ ބަޔަކީ ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ގާނޫނުގައި ބަޔާންކުރާ ޖަނަވާރުގެ ބައެއްނަމަ އަދި އެއީ ދިވެހިރާއްޖެއަށް އެތެރެކުރުން ހުއްދަ ބާވަތެއް ކަމަށް މި ގާނޫނުގެ 35 ވަނަ މާއްދާގެ (ނ) ގެ ދަށުން ކަނޑައަޅާފައިވާ ބާވަތެއްނަމަ، އެ އެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމަށް އިއްތިރާޒެއް ނެތްކަން އެ ގާނޫނުގައި ބަޔާންކުރާ މެނޭޖްމަންޓް އޮތޯރިޓީއަށް މިނިސްޓްރީން އަންގަންވާނެއެވެ. އަދި މިނިސްޓްރީގެ އެ ހުއްދައަށް ބިނާކޮށް އެ އެއްޗެއް ދިވެހިރާއްޖެއަށް އިމްޕޯޓްކުރުމުގެ ހުއްދަ ދޫކުރާނީ، އެ ގާނޫނުގައި ބަޔާންކުރާ މެނޭޖްމަންޓް އޮތޯރިޓީންނެވެ.

(މ) ޖަނަވާރަށާއި ޖަނަވާރުގެ ދަރީއާއިން އިންސާނުންނަށް ޖެހޭ ބަލިތައް ދިވެހިރާއްޖެއަށް އެތެރެވެ ފެތުރުން ހުއްޓުވުމަށްޓަކައި، ދިވެހިރާއްޖެއަށް އިމްޕޯޓްކުރާ ޖަނަވާރުގެ ބައިތައް މި ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ސްކްރީންކުރަންވާނެއެވެ.

(ފ) ދިވެހިރާއްޖެއަށް އިމްޕޯޓްކުރާ ޖަނަވާރުގެ ބައިތައް މި މާއްދާގެ ދަށުން ސްކްރީންކުރުމުގައާއި ކަރަންޓީނުކުރުމުގައި އަމަލުކުރާނެ މިންގަނޑުތަކާއި އިޖުރާއަތުތައް، އަދި ސްކްރީންކުރުމުގައި މިނިސްޓްރީއަށް ލިބިގެންވާ ބާރުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ދ) މި މާއްދާއާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ޖަނަވާރު އިމްޕޯޓްކުރުމުގައި އަމަލުކުރަންޖެހޭ ކަމަށް މި ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި އިޖުރާއަތުތައް ޖަނަވާރުގެ ބައިތައް އިމްޕޯޓްކުރުމުގައިވެސް ހިނގާނެއެވެ.

 

37 ވަނަ މާއްދާ - ދިވެހިރާއްޖެއިން ގެންދިޔުން ހުއްދަ ޖަނަވާރުގެ ބައިތައް ކަނޑައެޅުން

(ހ) ދިވެހިރާއްޖެއިން ގެންދެވޭނީ، މި މާއްދާގެ (ނ) ގެ ދަށުން މިނިސްޓްރީން ހުއްދަކުރާ ބާވަތުގެ ޖަނަވާރުގެ ބައިތަކެވެ.

(ށ) މި ގާނޫނުގެ ދަށުން ނުވަތަ އެހެން ގާނޫނެއްގެ ދަށުން ދިވެހިރާއްޖެއިން އެކްސްޕޯޓްކުރުން މަނާ ނުވަތަ ގެންދިޔުން މަނާ ކަމަށް ކަނޑައަޅާފައިވާ އެއްވެސް ބާވަތެއްގެ ޖަނަވާރުގެ ބައެއް ދިވެހިރާއްޖެއިން ގެންގޮސްގެންނުވާނެއެވެ.

(ނ) ދިވެހިރާއްޖެއިން ގެންދިޔުން ހުއްދަ ޖަނަވާރުގެ ބައިތައް، މިނިސްޓްރީން ކަނޑައަޅައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ކަނޑައަޅަންޖެހޭ ޖަނަވާރުގެ ބައިތަކުގެ ބާވަތްތައް ކަނޑައަޅަންވާނީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ޖަނަވާރުގެ ސިއްހަތާއި ވިޔަފާރިއާ ގުޅުންހުރި ބައިނަލްއަގްވާމީ މުއާހަދާތަކާއި އެއްބަސްވުންތަކާއި ދިވެހިރާއްޖޭގެ ކަމާބެހޭ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ސަރުކާރުގެ ކަމާބެހޭ އެހެން އިދާރާތަކުގެ ލަފަޔާއެކުގައެވެ.

(ބ) މި މާއްދާގެ (ނ) ގެ ދަށުން ކަނޑައަޅަންޖެހޭ ޖަނަވާރުގެ ބައިތައް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ކަނޑައަޅައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

(ޅ) މި މާއްދާގެ (ނ) ގެ ދަށުން ކަނޑައަޅާ ބާވަތްތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މުރާޖައާކޮށް، ކަމާބެހޭ އިދާރާތަކުގެ ލަފަޔާއެކު، އެ ބާވަތްތަކަށް އުނިއިތުރު ގެނައުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި އެފަދައިން ގެނެވޭ ބަދަލުތައް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

38 ވަނަ މާއްދާ - ޖަނަވާރުގެ ބައިތައް އެކްސްޕޯޓްކުރުން

(ހ) ދިވެހިރާއްޖެއިން ޖަނަވާރުގެ ބައިތައް އެކްސްޕޯޓްކުރެވޭނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް ޖަނަވާރުގެ ބައިތައް އެކްސްޕޯޓްކުރެވޭނީ، އެކްސްޕޯޓްކުރަން އެދޭ ޖަނަވާރުގެ ބައިތަކުގެ ކޮންމެ ކޮންސައިންމަންޓަކަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން ދޫކުރާ އެކްސްޕޯޓް ހުއްދަ ހޯދުމަށްފަހުގައެވެ.

(ނ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، ދިވެހިރާއްޖެއިން އެކްސްޕޯޓްކުރުމަށް އެދޭ ޖަނަވާރުގެ ބަޔަކީ، ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ގާނޫނުގައި ބަޔާންކުރާ އެއްޗެއްނަމަ، އަދި އެއީ ދިވެހިރާއްޖެއިން ގެންދިޔުން ހުއްދަ ބާވަތެއް ކަމަށް މި ގާނޫނުގެ 37 ވަނަ މާއްދާގެ (ނ) ގެ ދަށުން ކަނޑައަޅާފައިވާ ބާވަތެއްނަމަ، އެ އެއްޗެއް ދިވެހިރާއްޖެއިން އެކްސްޕޯޓްކުރުމުގައި އެ ގާނޫނުގައި ބަޔާންކުރާ އިޖުރާއަތުތައް ފުރިހަމަކުރަންވާނެއެވެ.

(ރ) ދިވެހިރާއްޖެއިން އެކްސްޕޯޓްކުރާ ޖަނަވާރުގެ ބައިތަކުގައާއި، އަދި އެ ބައިތައް އެކްސްޕޯޓްކުރުމުގެ ކަންކަން ކުރުމުގައި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެކްސްޕޯޓްކުރުމުގެ މިންގަނޑުތަކާއި ށަރުތުތައް ފުރިހަމަވާންވާނެއެވެ. އަދި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ވެޓެރިނަރީ ސަރޓިފިކޭށަންތައް ފުރިހަމަވާންވާނެއެވެ.

(ބ) މި މާއްދާގެ (ހ) ގެ ދަށުން ހަދާ ގަވާއިދުގައި ޖަނަވާރުގެ ބައިތައް އެކްސްޕޯޓްކުރާ ފަރާތްތައް ރަޖިސްޓަރީކުރުމުގެ ށަރުތުތަކާއި، ރަޖިސްޓަރީކުރުމަށް އެދި ހުށަހެޅުމުގައި އެފަރާތްތަކުން ފުރިހަމަކުރަންޖެހޭ ކަންކަމާއި އެފަރާތްތައް ރަޖިސްޓަރީކޮށްދިނުމުގައި، މިނިސްޓްރީން އަމަލުކުރަންޖެހޭ އުސޫލުތަކާއި އިޖުރާއަތުތައް ހިމަނަންވާނެއެވެ.

(ޅ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ އެކްސްޕޯޓް ހުއްދަ ދޫކުރުމުގެ ށަރުތުތަކާއި، ހުއްދައިގެ މުއްދަތާއި، ހުއްދަ ބާތިލުކުރެވޭނެ ހާލަތްތަކާއި، ހުއްދަ ދޫކުރުމަށް ފީ ނެގޭނެ އުސޫލުތަކާއި، ހުއްދަ ހޯދުމަށް އެދި ހުށަހަޅަންޖެހޭ މައުލޫމާތާއި ލިޔެކިޔުމާއި، ހުއްދަ ދޫކުރުމުގައި އަމަލުކުރެވޭނެ އުސޫލުތަކާއި އިޖުރާއަތުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ކ) ދިވެހިރާއްޖެއިން އެކްސްޕޯޓްކުރެވޭ ޖަނަވާރުގެ ބައިތަކުގައާއި އަދި އެ ބައިތައް އެކްސްޕޯޓްކުރުމުގައި ފުރިހަމަވާންޖެހޭ މިންގަނޑުތަކާއި ށަރުތުތަކާއި، އެ މިންގަނޑުތަކާއި ށަރުތުތައް ފުރިހަމަވާކަން އަންގައިދޭ ލިޔެކިޔުމާގުޅޭ އުސޫލުތަކާއި އެ ބައިތައް އުފުލައި ގެންގުޅުމުގެ އުސޫލުތަކާއި، އެނޫންވެސް ކަމާގުޅޭ އުސޫލުތައް މި މާއްދާގެ (ހ) ގެ ދަށުން ހަދާ ގަވާއިދުގައި ހިމަނަންވާނެއެވެ.

(އ) ދިވެހިރާއްޖެއިން އެކްސްޕޯޓްކުރެވޭ ޖަނަވާރުގެ ބައިތަކާ ގުޅޭގޮތުން އިންޓަރނޭށަނަލް ވެޓެރިނަރީ ހެލްތު ސެޓްފިކެޓް ދޫކުރުމުގެ ށަރުތުތަކާއި އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ވ) މި މާއްދާއާއި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި، ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ޖަނަވާރު އެކްސްޕޯޓްކުރުމުގައި އަމަލުކުރަންޖެހޭ ކަމަށް މި ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި އިޖުރާއަތުތައް ޖަނަވާރުގެ ބައިތައް އެކްސްޕޯޓްކުރުމުގައިވެސް ހިނގާނެއެވެ.

 

39 ވަނަ މާއްދާ - ޖަނަވާރުގެ ބައިތައް ރީ-އެކްސްޕޯޓްކުރުން

(ހ) ދިވެހިރާއްޖެއަށް އިމްޕޯޓްކުރެވޭ ޖަނަވާރުގެ ބައިތައް ރީ-އެކްސްޕޯޓްކުރެވޭނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގަވާއިދުގައި، ދިވެހިރާއްޖެއިން ޖަނަވާރުގެ ބައިތައް ރީ-އެކްސްޕޯޓްކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި އިޖުރާއަތުތައް ބަޔާންކުރަންވާނެއެވެ.

(ނ) މި މާއްދާއާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ޖަނަވާރު ރީ-އެކްސްޕޯޓްކުރުމުގައި އަމަލުކުރަންޖެހޭ ކަމަށް މި ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި އިޖުރާއަތުތައް ޖަނަވާރުގެ ބައިތައް ރީއެކްސްޕޯޓްކުރުމުގައިވެސް ހިނގާނެއެވެ.

 

40 ވަނަ މާއްދާ - ޖަނަވާރުގެ ބޭސް ދިވެހިރާއްޖެއަށް ގެނައުމާއި ވިއްކުމާއި ބޭނުންކުރުން ހުއްދަ

(ހ) ޖަނަވާރުގެ ބޭސްފަރުވާއަށް ބޭނުންކުރުމަށްޓަކައި، ދިވެހިރާއްޖެއަށް އިމްޕޯޓްކޮށް ވިއްކަންވާނީ އަދި ދިވެހިރާއްޖޭގައި ބޭނުންކުރަންވާނީ މި ގާނޫނުގެ 41 ވަނަ މާއްދާގެ ދަށުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކަނޑައަޅައި ހުއްދަކޮށްފައިވާ ބޭހެވެ.

(ށ) ދިވެހިރާއްޖެއަށް އިމްޕޯޓްކުރާ އަދި ދިވެހިރާއްޖޭގައި ވިއްކާ ނުވަތަ ބޭނުންކުރާ ޖަނަވާރުގެ ބޭސް ވާންވާނީ، ރައްކާތެރި އަދި ރަނގަޅު ފެންވަރުގެ ބޭހަށެވެ.

(ނ) ދިވެހިރާއްޖެއަށް އެތެރެކޮށް، ވިއްކާ، އަދި ދިވެހިރާއްޖޭގައި ބޭނުންކުރެވޭ ޖަނަވާރުގެ ބޭސް އެތެރެކުރުމާއި، ވިއްކުމާގުޅޭ ކަންކަން ތަންފީޒުކުރުމަށް ބޭނުންވާ އުސޫލުތަކާއި މިންގަނޑުތައް މިނިސްޓްރީގެ ލަފަޔާއެކު މި ގާނޫނުގެ ދަށުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހަދާ ގަވާއިދުގައި ހިމަނަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ހަދާ ގަވާއިދުގައި، މަދުވެގެން އަންނަނިވި މިންގަނޑުތަކާއި އުސޫލުތައް ކަނޑައަޅަންވާނެއެވެ.

(1) ދިވެހިރާއްޖެއަށް އެތެރެކޮށް، ވިއްކުމަށް، ހުއްދަކުރެވޭ ބޭހުގެ ސިއްހީ މިންގަނޑުތައް؛

(2) ބޭސް ބަންދުކޮށް، ލޭބަލްކުރުމާގުޅޭ އުސޫލުތައް؛

(3) ބޭސް ގުދަންކޮށް އެއް ތަނުން އަނެއް ތަނަށް އުފުލުމާގުޅޭ މިންގަނޑުތައް؛

(4) ޖަނަވާރުގެ ބޭހުގެ ފެންވަރާއި، ރައްކާތެރިކަމާގުޅޭ އެނޫންވެސް ފަންނީ މިންގަނޑުތައް.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކުރާ މިންގަނޑުތައް އެކުލަވާލަންވާނީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ކަމާގުޅޭ ބައިނަލްއަގްވާމީ މުއާހަދާތަކާއި އެއްބަސްވުންތަކުގެ ދަށުން ކަނޑައަޅާފައިވާ ކަމާބެހޭ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

41 ވަނަ މާއްދާ - ޖަނަވާރުގެ ބޭހުގެ ބާވަތްތައް ކަނޑައެޅުން

(ހ) ޖަނަވާރުގެ ބޭސްފަރުވާއަށް ބޭނުންކުރުމަށްޓަކައި ދިވެހިރާއްޖެއަށް އެތެރެކޮށް، ވިއްކުމަށް ހުއްދަ ދެވޭ ޖަނަވާރުގެ ބޭހުގެ ބާވަތްތައް މިނިސްޓްރީގެ ލަފަޔާއެކު، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކަނޑައަޅައި އާންމުކުރަންވާނެއެވެ.

(ށ) ޖަނަވާރުގެ ބޭސްފަރުވާގައި ބޭނުންކުރުން ހުއްދަ ބޭހުގެ ބާވަތްތައް މި މާއްދާގެ (ހ) ގެ ދަށުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކަނޑައަޅާއިރު، ބޭސް ދެވޭ ބޭނުންތަކާއި، ޖަނަވާރަށް ފަރުވާދިނުމަށްޓަކައި ބޭނުންވާ އަސާސީ ބޭހުގެ ބާވަތްތަކާއި ވެޓެރިނޭރިއަނެއްގެ ޕްރިސްކްރިޕްށަނާއެކު މެނުވީ ބޭނުންކުރުން ހުއްދަނޫން ބޭހުގެ ބާވަތްތައް ކަނޑައަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކަނޑައަޅާ ބޭހުގެ ބާވަތްތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މުރާޖައާކޮށް މިނިސްޓްރީގެ ލަފަޔާއެކު އެ ބާވަތްތަކަށް އުނިއިތުރު ގެނައުމުގެ އިހްތިޔާރު އެ އޮތޯރިޓީއަށް ލިބިގެންވެއެވެ. އަދި، އެފަދައިން އެ ބާވަތްތަކަށް އެއްވެސް ބަދަލެއް ގެނެވޭނަމަ އެ ބަދަލެއް އާންމުކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކަނޑައަޅާ ބޭހުގެ ބާވަތްތައް ކަނޑައެޅުމުގައި އަމަލުކުރާނެ އުސޫލާއި، އަދި އެފަދައިން ކަނޑައަޅާ ބާވަތްތައް މުރާޖައާކުރަންޖެހޭ އުސޫލު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ބ) މި މާއްދާގެ ދަށުން ޖަނަވާރުގެ ބޭހުގެ ގޮތުގައި ބޭނުންކުރުން ހުއްދަ ބޭހުގެ ބާވަތްތައް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކަނޑައަޅަންވާނީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ކަމާގުޅޭ ބައިނަލްއަގްވާމީ މުއާހަދާތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ޅ) ޖަނަވާރުގެ ބޭހުގެ ގޮތުގައި ބޭނުންކުރުން ހުއްދަ ބޭހުގެ ބާވަތްތައް މި މާއްދާގެ ދަށުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކަނޑައެޅިނަމަވެސް، މަސްތުވާތަކެއްޗާބެހޭ ގާނޫނުގައި ބަޔާންކުރާ ނުވަތަ އެ ގާނޫނު އެ މައްޗަށް ހިނގާ، ޖަނަވާރަށް ދިނުން ހުއްދަ ބޭހާ ގުޅޭގޮތުން އަމަލުކުރާނީ އެ ގާނޫނުގައިވާ ގޮތުގެމަތިންނެވެ.

 

42 ވަނަ މާއްދާ - ޖަނަވާރުގެ ބޭސް އިމްޕޯޓްކޮށް ވިއްކުމާގުޅޭ އުސޫލު

(ހ) ދިވެހިރާއްޖެއަށް ޖަނަވާރުގެ ބޭސް އިމްޕޯޓްކޮށް އަދި ދިވެހިރާއްޖޭގައި އެ ބޭސް ވިއްކޭނީ، މި ގާނޫނުގެ ދަށުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އޮތޯރިޓީން އެކަމަށް ހުއްދަ ދޫކޮށްފައިވާ ފަރާތްތަކަށެވެ.

(ށ) ޖަނަވާރުގެ ބޭސް އިމްޕޯޓްކުރުމަށް ނުވަތަ ބޭސް ވިއްކުމަށް މި މާއްދާގެ (ހ) ގެ ދަށުން އޮތޯރިޓީން ދޫކުރާ ހުއްދަ ދޫކުރުމުގެ ށަރުތުތަކާއި، ހުއްދަ ހޯދުމަށް އެދި ހުށަހަޅަންޖެހޭ މައުލޫމާތާއި ލިޔެކިޔުން އަދި ހުއްދަ ދޫކުރުމުގައާއި، ހުއްދަ ހިފަހައްޓައި ބާތިލުކުރުމުގައި އަމަލުކުރެވޭނެ އުސޫލުތަކާއި އިޖުރާއަތުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ނ) ޖަނަވާރުގެ ބޭސް ވިއްކުމަށް މި މާއްދާގެ ދަށުން ހުއްދަކޮށްފައިވާ އެއްވެސް ފަރާތަކުން ޖަނަވާރުގެ ބޭސް ވިއްކަންވާނީ، އެ ބޭސް ބޭނުންކުރުމަށް ކަނޑައެޅިފައިވާ ފަރުވާއަށް ނުވަތަ ބޭނުމަށް އަދި ކަނޑައެޅިފައިވާ މިންވަރަށެވެ.

(ރ) މި މާއްދާގެ ދަށުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޭތޯރިޓީން ހަދާ ގަވާއިދުގައި، ބޭސް އިމްޕޯޓްކުރުމަށް ނުވަތަ ވިއްކުމަށް މި ގާނޫނުގެ ދަށުން ހުއްދަ ދެވޭ ފަރާތްތަކުން އެކަންކަން ކުރުމުގައި ހިފަހައްޓަންޖެހޭ މިންގަނޑުތަކާއި، ފުރިހަމަކުރަންޖެހޭ ށަރުތުތަކާއި އުސޫލުތައް ބަޔާންކުރަންވާނެއެވެ.

(ބ) ޖަނަވާރުގެ ބޭސް އިމްޕޯޓްކޮށް ވިއްކާ ފަރާތްތަކުން، އިމްޕޯޓްކުރާ އަދި ވިއްކާ ބޭހުގެ ރެކޯޑު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޭތޯރިޓީން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ބަލަހައްޓަންވާނެއެވެ. އަދި، އެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މިނިސްޓްރީއަށް އެ މައުލޫމާތު ފޮނުވަމުން ގެންދަންވާނެއެވެ.

(ޅ) ޖަނަވާރުގެ ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރުކުރުމަށްޓަކައި، ޖަނަވާރުގެ ބޭސް އިމްޕޯޓްކޮށް ވިއްކާ ތަންތަނާއި، ޖަނަވާރަށް ބޭސްފަރުވާގެ ހިދުމަތްދޭ މަރުކަޒުތަކާއި، ބޭސް ބަހައްޓާ ތަންތަނާއި، ގުދަންތަކާއި، އެނޫންވެސް އެފަދަ ތަންތަން ބަލައި ފާސްކުރުމާއި ބޭސް ޓެސްޓުކުރަން ބޭނުންވާ މިންވަރަށް ސާމްޕަލް ނެގުމުގެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

43 ވަނަ މާއްދާ - ޖަނަވާރުގެ ބޭސް ބޭނުންކުރުން

(ހ) ކޮންމެ ފަރާތަކުންވެސް ޖަނަވާރުގެ ބޭސް ބޭނުންކުރަންވާނީ ކަނޑައެޅިފައިވާ ފަރުވާއަށް، އަދި އެ ފަރުވާގައި ބޭނުންކުރުމަށް ހުއްދަކުރެވޭ މިންވަރަށެވެ. އަދި ވެޓެރިނޭރިއަނެއްގެ ޕްރިސްކްރިޕްށަނެއް އޮތުން ލާޒިމުކުރާ ބޭހެއް، އެފަދަ ޕްރިސްކްރިޕްށަނަކާ ނުލައި، އެއްވެސް ފަރާތަކަށް ދީ ނުވަތަ ބޭނުންކޮށްގެންނުވާނެއެވެ.

(ށ) ޖަނަވާރުގެ ބޭސް ބޭނުންކުރުމުގެ އުސޫލުތަކާއި، ޕްރިސްކްރިޕްށަނެއް އޮތުން ލާޒިމުކުރާ ބޭސް ދޫކުރުމުގައި އަމަލުކުރަންވީ އިޖުރާއަތާއި، އެފަދަ ޕްރިސްކްރިޕްށަންތަކުގެ ރެކޯޑު ބެލެހެއްޓުމާގުޅޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ހަދާ ގަވާއިދުގައި ހިމެނޭ ފަންނީ މިންގަނޑުތައް އެކުލަވާލަންވާނީ ކަމާބެހޭ ފަރާތްތަކުގެ ފަންނީ ލަފަޔާއެކުގައެވެ.

 

44 ވަނަ މާއްދާ - ޖަނަވާރުގެ ކާނާ 

(ހ) ދިވެހިރާއްޖެއަށް އިމްޕޯޓްކުރާ އަދި ދިވެހިރާއްޖޭގައި ވިއްކާ ނުވަތަ ބޭނުންކުރާ ޖަނަވާރުގެ ކާނާ ވާންވާނީ، ސިއްހީގޮތުން ފައިދާހުރި، ރައްކާތެރި އަދި ޖަނަވާރުގެ އާންމު ސިއްހަތަށް ގެއްލުންނުވާ ފަދަ ކާނާއަށެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، އެކި ބާވަތުގެ ޖަނަވާރުގެ ކާނާގެ ސިއްހީ ފެންވަރާއި، ސާފުތާހިރުކަން ހުންނަންވާ މިންގަނޑުތަކާއި، ކާނާ ބަންދުކޮށް، ލޭބަލްކޮށް ގުދަންކުރުމުގެ މިންގަނޑުތަކާއި އެނޫންވެސް ޖަނަވާރުގެ ކާނާގެ ސިއްހީ އަދި ސަލާމަތީ މިންގަނޑުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ މިންގަނޑުތަކަށް ނުފެތޭ ޖަނަވާރުގެ ކާނާ ދިވެހިރާއްޖެއަށް އިމްޕޯޓްކޮށް ނުވަތަ ވިއްކައި ނުވަތަ ބޭނުންކޮށް ނުވަތަ އެއްވެސް ފަރާތަކަށް ފޯރުކޮށްދީގެން ނުވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގެ ދަށުން ޖަނަވާރުގެ ކާނާގެ މިންގަނޑުތައް ކަނޑައަޅަންވާނީ، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ޖަނަވާރާ ގުޅުންހުރި ބައިނަލްއަގްވާމީ މުއާހަދާތަކާއި އެއްބަސްވުންތަކުގެ ދަށުން ކަނޑައަޅައި ބަލައިގަނެފައިވާ ކަމާބެހޭ ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

45 ވަނަ މާއްދާ - ޖަނަވާރުގެ ކާނާ އިމްޕޯޓްކޮށް ވިއްކާ ފަރާތްތައް ރަޖިސްޓަރީކުރުން

(ހ) ދިވެހިރާއްޖޭގައި ޖަނަވާރުގެ ކާނާ އިމްޕޯޓްކުރެވޭނީ އަދި ވިއްކޭނީ، މި ގާނޫނުގެ ދަށުން މިނިސްޓްރީން އެކުލަވާލާ ގަވާއިދުގެ ދަށުން މިނިސްޓްރީން އެކަމަށް ހުއްދަ ދީފައިވާ ފަރާތްތަކަށެވެ.

(ށ) ޖަނަވާރުގެ ކާނާ އިމްޕޯޓްކުރުމަށް ނުވަތަ ވިއްކުމަށް މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓްރީން ދޫކުރާ ހުއްދަ ހޯދުމަށް އެދި ހުށަހަޅަންޖެހޭ މައުލޫމާތާއި ލިޔެކިޔުން، އަދި ހުއްދަ ދޫކުރުމުގައާއި ހުއްދަ ހިފަހައްޓައި ބާތިލުކުރުމުގައި އަމަލުކުރެވޭނެ އުސޫލުތަކާއި އިޖުރާއަތު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން މިނިސްޓްރީން ހަދާ ގަވާއިދުގައި، ޖަނަވާރުގެ ކާނާ އިމްޕޯޓްކުރުމަށް ނުވަތަ ވިއްކުމަށް މި ގާނޫނުގެ ދަށުން ހުއްދަ ދެވޭ ފަރާތްތަކުން އެކަންކަން ކުރުމުގައި ހިފަހައްޓަންޖެހޭ މިންގަނޑުތަކާއި، ފުރިހަމަކުރަންޖެހޭ ށަރުތުތަކާއި އުސޫލުތައް ބަޔާންކުރަންވާނެއެވެ.

 

 

ހަވަނަ ބާބު

ޖަނަވާރު ގެންގުޅުން ހުއްދަ ބޭނުންތަކާއި، ޖަނަވާރު ގެންގުޅޭ ތަންތަން

 

46 ވަނަ މާއްދާ - ހުއްދަ ބޭނުންތަކަށް ޖަނަވާރު ގެންގުޅުމުގެ އާންމު އުސޫލު

ދިވެހިރާއްޖޭގައި ވިޔަފާރީގެ ބޭނުމަށް ގެންގުޅޭ ޖަނަވާރާއި، ވިއްސައި އާލާކުރާ ޖަނަވާރާއި، ލައިވްސްޓޮކް އަދި ޕޯލްޓްރީގެ ގޮތުގައި ގެންގުޅޭ ޖަނަވާރާއި، އޮޅުކޮށްގެން އެކުގައި ގެންގުޅޭ ޖަނަވާރާއި، އެނޫންވެސް ދިވެހިރާއްޖޭގައި ޖަނަވާރު ގެންގުޅުމުގެ ހުއްދަ ގާނޫނުން ދޭ ބޭނުންތަކަށް ޖަނަވާރު ގެންގުޅެ ބެލެހެއްޓުމުގައި އަމަލުކުރަންވާނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އަދި އެފަދައިން ޖަނަވާރު ގެންގުޅެންވާނީ، މި ބާބުގައިވާ ގޮތުގެމަތިން ކަމާގުޅޭ ބޭނުންތަކަށް ހުއްދަކުރެވޭ ތަންތަނުގައި، މި ބާބުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން އެ ހުއްދައެއް ދެވޭ ފަރާތްތަކުންނެވެ.

 

47 ވަނަ މާއްދާ - ޖަނަވާރު ވިއްސައި، އާލާކުރާ ފާމްތައް ހިންގުން

(ހ) ދިވެހިރާއްޖޭގައި ޖަނަވާރު ވިއްސައި އާލާކުރާ ފާމްތައް ހިންގަންވާނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މިނިސްޓްރީގައި ރަޖިސްޓަރީކުރުމަށްފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓަރީކުރާ ފާމްތަކުގައި ޖަނަވާރު ވިއްސައި އާލާކުރެވޭނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ވިއްސައި އާލާކުރުމަށް ހުއްދަކުރެވޭ ބާވަތުގެ ޖަނަވާރެވެ. އަދި އެތަންތަނުގައި އެކަން ކުރަންވާނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ހަމަތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ގަވާއިދުގައި މަދުވެގެން އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ.

(1) ވިއްސައި އާލާކުރުން ހުއްދަ ޖަނަވާރުގެ ބާވަތްތައް؛

(2) ޖަނަވާރު ވިއްސައި އާލާކުރުން ހުއްދަކުރެވޭ ތަންތަނާއި އެތަންތަނުގައި ފުރިހަމަވާންޖެހޭ މިންގަނޑުތައް؛

(3) ޖަނަވާރު ވިއްސައި އާލާކުރަން ހުއްދަކުރެވޭ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ށަރުތުތައް؛

(4) ވިއްސައި އާލާކުރުމުގައި ބޭނުންކުރުން ހުއްދަ ޖަނަވާރުގެ ބައިތައް؛

(5) ޖަނަވާރު ވިއްސައި އާލާކުރަން، ހުއްދަ ގޮތްތަކާއި އެކަން ކުރުމުގައި ކުރުން ހުއްދަ ކަންކަމާއި، އެކަން ކުރާ މާހައުލުގައި ފުރިހަމަވާންޖެހޭ ކަންކަމާއި، އެކަން ކުރުމުގައި ބޭނުންކުރެވޭނެ އާލާތްތަކާއި، މެށިނަރީއާއި، ވިއްސައި އާލާކުރެވޭ ޖަނަވާރަށް ދިނުން ހުއްދަނޫން ކާނާއާއި އެނޫންވެސް ކަމާގުޅޭ އުސޫލުތައް؛

(6) ޖަނަވާރު ވިއްސައި އާލާކުރުމުގައި ހިފަހައްޓަންޖެހޭ ފަންނީ އަދި އަމަލީ މިންގަނޑުތައް؛

(7) ޖަނަވާރު ވިއްސައި އާލާކުރުމުގައި ކޮށްގެންނުވާނެ ކަންކަން؛

(ރ) ޖަނަވާރު ވިއްސައި އާލާކުރާ ފާމް ރަޖިސްޓަރީކޮށް ހިންގުމަށް އެދި ހުށަހަޅާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މިނިސްޓްރީއަށެވެ.

 

48 ވަނަ މާއްދާ - ޕެޓް ށޮޕާއި ޖަނަވާރު ވިއްކުމުގެ ވިޔަފާރިކުރާ އެނޫން ތަންތަން ހިންގުން

(ހ) ދިވެހިރާއްޖޭގައި ޕެޓް ށޮޕް ހިންގަންވާނީ ނުވަތަ އެނޫންވެސް ގޮތަކުން ވިޔަފާރި އުސޫލުން ޖަނަވާރު ވިއްކަންވާނީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މިނިސްޓްރީގައި ރަޖިސްޓަރީކުރުމަށްފަހުގައެވެ.

(ށ) ޕެޓް ށޮޕްތަކުގައި އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުގެ ގޮތުގައި ވިއްކޭނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން އެކުގައި އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުގެ ގޮތުގައި ވިއްކުން ހުއްދަކޮށްފައިވާ އެއްގަމުގައި އުޅޭ ޖަނަވާރާއި، ދޫނިސޫފާސޫތްޕާއި، އެކުއޭރިއަމްގައި ގެންގުޅޭ ޖަނަވާރެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ގަވާއިދުގެ ދަށުން، އޮޅުކޮށްގެން އެކުގައި ގެންގުޅޭ ޖަނަވާރުގެ ގޮތުގައި ގެންގުޅުން ހުއްދަ ޖަނަވާރުގެ ބާވަތްތައް ކަނޑައަޅަންވާނީ، ދިރިއުޅޭ ތަނުގައި އެކުގައި ގެންގުޅުމަށް ރައްކާތެރި އަދި އެކަށޭނަ "ޑޮމެސްޓިކޭޓަޑް އެނިމަލް" ގިންތީގެ ޖަނަވާރެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ތަންތަން ފިޔަވައި އެނޫން ވިޔަފާރި ތަންތަނުގައި ވިއްކޭނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ވިއްކުން ހުއްދަކޮށްފައިވާ ޖަނަވާރެވެ.

(ބ) މި މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓަރީކުރާ ވިޔަފާރިތަކުން ޖަނަވާރު ވިއްކަންވާނީ ގާނޫނާއި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ށަރުތުތަކާއި އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިން، އަދި އެތަންތަނުގައި ޖަނަވާރު ވިއްކަން ބެހެއްޓުމުގައި، އަދި ވިއްކުމުގައި އަމަލުކުރަންޖެހޭ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ޅ) މި މާއްދާގެ (ށ) އަދި (ނ) ގެ ބޭނުމަށްޓަކައި، ދިވެހިރާއްޖޭގައި ވިއްކުން ހުއްދަ ޖަނަވާރުގެ ބާވަތްތަކާއި، ޖަނަވާރު ވިއްކަން ހުއްދަކުރެވޭ ތަންތަން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ. އަދި އެ ގަވާއިދުގައި މަދުވެގެން އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

(1) ވިއްކަން ހުއްދަކުރެވޭ ބާވަތުގެ ޖަނަވާރު؛

(2) ޖަނަވާރު ވިއްކަން ހުއްދަކުރެވޭ ބޭނުންތައް؛

(3) ޖަނަވާރު ވިއްކުމުގައި އަދި ވިއްކަން ބެހެއްޓުމުގައި ފުރިހަމަކުރަންޖެހޭ ށަރުތުތައް؛

(4) ޖަނަވާރު ވިއްކާ ތަންތަނުގައި ފުރިހަމަވާންޖެހޭ ށަރުތުތަކާއި އެތަންތަނުގައި ކޮށްގެންނުވާނެ ކަންކަން؛

(5) ޖަނަވާރު ވިއްކާ ތަންތަނުގައި ޖަނަވާރު ބެލެހެއްޓުމުގައި މަސައްކަތްކުރާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ށަރުތުތައް؛

(6) ޖަނަވާރު ވިއްކާ ތަންތަނުގައި ޖަނަވާރު ވިއްކަން ބެހެއްޓުމުގައި ޖަނަވާރަށް އަޅައިލައި، ކާންދީ ބެލެހެއްޓުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް؛

(7) ޖަނަވާރު ވިއްކާއިރު ގަންނަ ފަރާތަށް ފޯރުކޮށްދޭންޖެހޭ އަސާސީ މައުލޫމާތާއި

(8) އެނޫންވެސް ޖަނަވާރު ވިއްކުމުގައި ފުރިހަމަކުރުން މުހިންމު ކަންކަން.

(ކ) މި މާއްދާގެ (ޅ) ގެ (1) ވަނަ ނަންބަރުގެ ދަށުން ވިއްކުން ހުއްދަ ބާވަތުގެ ޖަނަވާރު ކަނޑައަޅާއިރު، އެކުގައި އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުގެ ގޮތުގައި ވިއްކުން ހުއްދަ ޖަނަވާރުގެ ބާވަތްތަކާއި، އެނޫން ބޭނުންތަކަށް ވިއްކަން ހުއްދަކުރެވޭ ޖަނަވާރުގެ ބާވަތްތަކާއި، ވިއްކުން މަނާ ޖަނަވާރުގެ ބާވަތްތައް ކަނޑައަޅަންވާނެއެވެ.

(އ) ޖަނަވާރު ވިއްކާ ތަންތަން ރަޖިސްޓަރީކޮށް ހިންގުމަށް އެދި ހުށަހަޅާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މިނިސްޓްރީއަށެވެ.

(ވ) ވިޔަފާރި ހިންގުމަށް ނުވާގޮތުން، އަމިއްލަ ފަރުދުން ވިއްކާ އެމީހުންގެ އަމިއްލަ ޖަނަވާރުގެ މައްޗަކަށް މި މާއްދާގައި ބަޔާންކުރާ އުސޫލުތަކެއް ނުހިނގާނެއެވެ.

 

49 ވަނަ މާއްދާ - ލައިވްސްޓޮކް އަދި ޕޯލްޓްރީ ފާމް ހިންގުމާއި އެފަދަ ތަކެތި ގެންގުޅުން

(ހ) ދިވެހިރާއްޖޭގައި ލައިވްސްޓޮކް އަދި ޕޯލްޓްރީ ފާމިންގ ހިންގޭނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މިނިސްޓްރީގައި ރަޖިސްޓަރީކުރުމަށްފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓަރީކުރާ ފާމްތަކުގައި ލައިވްސްޓޮކް އަދި ޕޯލްޓްރީ ގެންގުޅެންވާނީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ނ) ލައިވްސްޓޮކް އަދި ޕޯލްޓްރީ ފާމް ހިންގުމުގެ ހުއްދަ ދެވޭނީ، މި ގާނޫނުގެ ދަށުން ހުއްދަކުރެވޭ ތަނެއްގައި، އެ ޖަނަވާރު ގެންގުޅުމަށެވެ.

(ރ) ފާމް ހިންގުމަށް، ލައިވްސްޓޮކް އަދި ޕޯލްޓްރީ ގެންގުޅެވޭނީ، އަގީގާއި އުޒްހިޔާގެ ގޮތުގައި ނުވަތަ އެނޫންވެސް، ކެއުމުގެ ބޭނުމަށް ކަތިލުމަށް ހުއްދަކުރާ ހާލަތްތަކުގައި ބޭނުންކުރުމަށް ވިއްކުމަށްޓަކައެވެ. އަދި އެފަދަ ލައިވްސްޓޮކް އަދި ޕޯލްޓްރީ ވިއްކަން ހުއްދަކުރެވޭނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ށަރުތުތަކާ އެއްގޮތްވާ ގޮތުގެމަތިން، މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ތަނެއްގައެވެ.

(ބ) މި މާއްދާގެ (ހ) އަދި (ރ) ގައި ބަޔާންކުރާ ވިޔަފާރިތައް ރަޖިސްޓަރީކޮށްދިނުމުގެ ށަރުތުތަކާއި، ރަޖިސްޓަރީގެ މުއްދަތާއި، ރަޖިސްޓަރީ ބާތިލުކުރެވޭނެ ހާލަތްތަކާއި، ރަޖިސްޓަރީ ދޫކުރުމަށް ފީ ނެގޭނެ އުސޫލުތަކާއި، ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅަންޖެހޭ މައުލޫމާތާއި، ލިޔެކިޔުމާއި، ރަޖިސްޓަރީކޮށްދިނުމުގައި އަމަލުކުރެވޭނެ އުސޫލުތަކާއި އިޖުރާއަތުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. އަދި އެ ގަވާއިދުގައި، މަދުވެގެން އަންނަނިވި ކަންކަމާއި މިންގަނޑުތައް ކަނޑައަޅަންވާނެއެވެ.

(1) ލައިވްސްޓޮކް އަދި ޕޯލްޓްރީގެ ގޮތުގައި ގެންގުޅެން ހުއްދަކުރެވޭ ބާވަތުގެ ޖަނަވާރު.

(2) ކެއުމުގެ ބޭނުމަށް ކަތިލުމަށް ވިއްކުން ހުއްދަކުރެވޭ ބާވަތުގެ ޖަނަވާރު.

(3) ލައިވްސްޓޮކް އަދި ޕޯލްޓްރީ ފާމްތަކުގައި ފުރިހަމަވާންޖެހޭ މިންގަނޑުތައް.

(4) ލައިވްސްޓޮކް އަދި ޕޯލްޓްރީ ގެންގުޅުމުގައި ފުރިހަމަކުރަންޖެހޭ ށަރުތުތަކާއި، ޖަނަވާރަށް އަޅައިލައި، ކާންދީ ބެލެހެއްޓުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް.

(5) ލައިވްސްޓޮކް އަދި ޕޯލްޓްރީ ފާމްތަކުގައި ޖަނަވާރު ބެލެހެއްޓުމުގައި މަސައްކަތްކުރާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ށަރުތުތައް.

(ޅ) ލައިވްސްޓޮކް އަދި ޕޯލްޓްރީ: ފާތައް ރަޖިސްޓަރީކޮށް ހިންގުމަށް އެދި ހުށަހަޅާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މިނިސްޓްރީއަށެވެ.

(ކ) ވިޔަފާރި ހިންގުމަށް ނުވާގޮތުން، އަމިއްލަ ފަރުދުން، އެމީހުން ދިރިއުޅޭތަންތަނުގައި ގެންގުޅޭ ލައިވްސްޓޮކް ނުވަތަ ޕޯލްޓްރީގެ މައްޗަކަށް މި މާއްދާގައި ބަޔާންކުރާ އުސޫލުތަކެއް ނުހިނގާނެއެވެ.

 

50 ވަނަ މާއްދާ - ސައިންޓިފިކް ދިރާސާއަށް ނުވަތަ ތައުލީމީ ބޭނުމަށް ޖަނަވާރު ގެނައުމާއި ގެންގުޅުން

(ހ) ސައިންޓިފިކް ދިރާސާއަށް ނުވަތަ ތައުލީމީ ބޭނުމަށް ދިވެހިރާއްޖެއަށް ޖަނަވާރު ގެނެވޭނީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ހުއްދަކުރެވޭ ތައުލީމީ މަރުކަޒުތަކާއި ރިސަރޗް ފެސިލިޓީތަކަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ތަންތަނަށް ޖަނަވާރު ގެނައުމުގެ ހުއްދަ ދެވޭނީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ހުއްދަކުރާ ބާވަތުގެ ސައިންޓިފިކް ދިރާސާއަށް ނުވަތަ ތައުލީމީ ބޭނުންތަކަށެވެ.

(ނ) ސައިންޓިފިކް ދިރާސާއެއްގައިވިޔަސް ނުވަތަ ތައުލީމުގެ ބޭނުމަށްވިޔަސް ޖަނަވާރު ގެންގުޅުމުގައި ނުވަތަ ބޭނުންކުރުމުގައި އެ ޖަނަވާރާމެދު އަމަލުކުރަންވާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ހުއްދަކޮށްފައިވާ ގޮތުގެމަތިންނެވެ.

(ރ) ސައިންޓިފިކް ދިރާސާއަށް ނުވަތަ ތައުލީމީ ބޭނުމަށް ޖަނަވާރު ގެނައުމުގެ ހުއްދަ ދިނުމުގެ ށަރުތުތަކާއި، ހުއްދަ ދެވޭ ތަންތަނުގައި ފުރިހަމަވާންޖެހޭ މިންގަނޑުތަކާއި، އެތަންތަނުގައި ޖަނަވާރާ ގުޅޭގޮތުން ކުރެވޭނެ ހުއްދަ ބޭނުންތަކާއި، ކުރުން މަނާ ކަންކަމާއި، އެނޫންވެސް ކަމާގުޅޭ އުސޫލުތަކާއި އިޖުރާއަތްތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

51 ވަނަ މާއްދާ - އެގްޒިބިށަންގެ ބޭނުމަށް ޖަނަވާރު ގެނައުމާއި ގެންގުޅުން

(ހ) ދިވެހިރާއްޖޭގައި ޒޫ ނުވަތަ ޕާކް ފަދަ އާންމުންނަށް ޖަނަވާރު ދައްކާލުމުގެ ބޭނުމަށް ހާއްސަކޮށްފައިވާ ތަންތަން ހިންގޭނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މިނިސްޓްރީގައި ރަޖިސްޓަރީކުރުމަށްފަހުގައެވެ.

(ށ) ކާނިވަލް، ފަންފެއަރ ފަދަ މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގައި ބޭނުންކުރުމަށް ދިވެހިރާއްޖެއަށް ޖަނަވާރު ގެނެވޭނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ހުއްދަކުރެވޭ ފަރާތްތަކަށެވެ. އަދި އެފަދަ ހަރަކާތްތަކުގައި ޖަނަވާރު ބޭނުންކުރެވޭނީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ނ) ޒޫ ނުވަތަ ޕާކް ފަދަ އާންމުންނަށް ޖަނަވާރު ދައްކާލުމުގެ ބޭނުމަށް ހާއްސަކޮށްފައިވާ މި މާއްދާގެ (ހ) ގައި ބަޔާންކުރާ ތަންތަން ރަޖިސްޓަރީކޮށްދިނުމުގެ ށަރުތުތަކާއި، ރަޖިސްޓަރީގެ މުއްދަތާއި، ރަޖިސްޓަރީ ބާތިލުކުރެވޭނެ ހާލަތްތަކާއި، ރަޖިސްޓަރީ އައުކުރުމަށް ފީ ނެގޭނެ އުސޫލުތަކާއި، ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅަންޖެހޭ މައުލޫމާތާއި، ލިޔެކިޔުމާއި، ރަޖިސްޓަރީކޮށްދިނުމުގައި އަމަލުކުރެވޭނެ އުސޫލުތަކާއި އިޖުރާއަތުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. އަދި އެ ގަވާއިދުގައި، މަދުވެގެން އަންނަނިވި ކަންކަމާއި މިންގަނޑުތައް ކަނޑައަޅަންވާނެއެވެ.

(1) އެތަންތަނުގައި އާންމުންނަށް ދައްކާލުމުގެ ބޭނުމަށް ގެންގުޅެވޭނެ ޖަނަވާރުގެ ބާވަތްތައް؛

(2) އެތަންތަން ފަރުމާކުރުމުގައި ފުރިހަމަވާންޖެހޭ މިންގަނޑުތައް؛

(3) އެތަންތަނުގައި ޖަނަވާރު ދައްކާލުމުގެ ކަންކަން އިންތިޒާމުކުރުމުގައި ފުރިހަމަކުރަންޖެހޭ ރައްކާތެރިކަމުގެ މިންގަނޑުތައް؛

(4) އެތަންތަނުގައި ޖަނަވާރު ގެންގުޅުމުގައި، ފުރިހަމަކުރަންޖެހޭ ށަރުތުތަކާއި ޖަނަވާރަށް އަޅައިލައި ކާންދީ، ބެލެހެއްޓުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް،

(5) އެތަންތަނުގައި، ޖަނަވާރު ބެލެހެއްޓުމުގައި މަސައްކަތްކުރާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ، ށަރުތުތައް

(6) އެތަންތަނަށް އާންމުން ވަދެނިކުތުމާގުޅޭ އުސޫލުތައް،

(ރ) ކާނިވަލް، ފަންފެއަރ ފަދަ މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގައި ބޭނުންކުރުމަށް ދިވެހިރާއްޖެއަށް ޖަނަވާރު ގެނައުމާއި، އެފަދަ ތަންތަނުގައި، ޖަނަވާރު ގެންގުޅުމުގެ ހުއްދަ ދިނުމުގެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި، ބަޔާންކުރަންވާނެއެވެ. އަދި އެ ގަވާއިދުގައި، މަދުވެގެން އަންނަނިވި ކަންކަމާއި، މިންގަނޑުތައް، ކަނޑައަޅަންވާނެއެވެ.

(1) ކާނިވަލް، ފަންފެއަރ ފަދަ މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި، އެ ހަރަކާތްތަކުގައި ބޭނުންކުރުމަށް ހުއްދަކުރެވޭ ޖަނަވާރުގެ ބާވަތްތައް؛

(2) އެފަދަ ހަރަކާތްތައް ހިންގާ ތަންތަނުގައި، ޖަނަވާރު ބޭތިއްބުމަށް ހާއްސަކުރެވޭ ތަންތަނުގައި، ފުރިހަމަވާންޖެހޭ މިންގަނޑުތައް؛

(3) އެފަދަ ހަރަކާތްތައް ހިންގާ ތަންތަނަށް، ޖަނަވާރު ގެނައުމާއި ގެންދިޔުމުގެ އުސޫލުތައް؛

(4) އެފަދަ ހަރަކާތްތައް ހިންގާ ތަންތަނުގައި، ޖަނަވާރު ދައްކާލުމުގެ ކަންކަން އިންތިޒާމުކުރުމުގައި، ފުރިހަމަކުރަންޖެހޭ ރައްކާތެރިކަމުގެ މިންގަނޑުތައް؛

(5) އެފަދަ ހަރަކާތްތައް ހިންގާ ތަންތަނުގައި، ޖަނަވާރު ގެންގުޅުމުގައި ފުރިހަމަކުރަންޖެހޭ ށަރުތުތަކާއި، ޖަނަވާރަށް އަޅައިލައި ކާންދީ ބެލެހެއްޓުމުގައި

އަމަލުކުރަންޖެހޭ،އުސޫލުތައް؛

(6) އެފަދަ ހަރަކާތްތައް ހިންގާ ތަންތަނުގައި ޖަނަވާރު ބެލެހެއްޓުމުގައި މަސައްކަތްކުރާ ފަރާތްތަކުގެ ކިބައިގައިފުރިހަމަވާންޖެހޭ ށަރުތުތައް. 

(ބ) މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ކާނިވަލް، ފަންފެއަރ ފަދަ މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގައި ބޭނުންކުރުމަށް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ދޭންވާނީ، ދިވެހިރާއްޖޭގައި އެ ޖަނަވާރެއް ބަލަހައްޓައި ކޮންޓްރޯލްކުރުމުގެ ވަސީލަތްތައް ގާއިމުވެފައިވާ ނުރައްކާތެރިނޫން ބާވަތުގެ ޖަނަވާރެވެ.

(ޅ) މި މާއްދާގެ (ނ) އަދި (ރ) ގެ ދަށުން މިންގަނޑުތައް ކަނޑައަޅާއިރު، އެތަންތަނަށް ގެންނަ ޖަނަވާރުގެ ސަބަބުން ދިވެހިރާއްޖޭގެ ދިރޭ ތަކެތީގެ ނަސްލަށް އަންނާނެ ބަދަލުތައް ދެނެގަނެ އެކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.

 

52 ވަނަ މާއްދާ - ނުރައްކާތެރި ޖަނަވާރު ގެނައުމާއި ގެންގުޅުން

(ހ) އެއްވެސް ބޭނުމަކަށް ދިވެހިރާއްޖެއަށް ނުރައްކާތެރި ޖަނަވާރު ގެނައުމާއި، އެފަދަ ޖަނަވާރު ދިވެހިރާއްޖޭގައި ގެންގުޅުމުގެ ހުއްދަ ދެވޭނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ފަރާތްތަކަށެވެ. އަދި އެ އެއްޗެހި ގެންގުޅެންވާނީ ހަމައެކަނި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ހުއްދަކޮށްފައިވާ ތަންތަނުގައެވެ.

(ށ) މި މާއްދާގެ ބޭނުމަށްޓަކައި، ދިވެހިރާއްޖެއަށް ގެނައުން ހުއްދަކުރެވޭ ނުރައްކާތެރި ޖަނަވާރުގެ ބާވަތްތަކާއި، އެ ބާވަތުގެ ޖަނަވާރު އެތެރެކޮށް ގެންގުޅުމުގެ ހުއްދަ ދެވޭނެ ފަރާތްތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ގަވާއިދު މިނިސްޓްރީން އެކުލަވާލަންވާނީ ސަލާމަތީ ހިދުމަތްތަކުގެ ލަފަޔާއެކުގައެވެ.

(ރ) ދިވެހިރާއްޖޭގައި، އެއްވެސް ބޭނުމަކަށް ނުރައްކާތެރި ޖަނަވާރު ގެންގުޅެންވާނީ، މީހުންނަށާއި އެހެން ޖަނަވާރުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާ ނުވާނެ ގޮތެއްގެމަތިން، އެ އެއްޗެހި ގެންގުޅެ ކޮންޓްރޯލްކުރެވޭނެ ވަސީލަތްތައް ގާއިމުވެފައި ހުންނަ ތަންތަނުގައެވެ.

 

53 ވަނަ މާއްދާ - އެނިމަލް ސެންކްޗުއަރީ ގާއިމުކުރުމާއި ހިންގުން

(ހ) އަންނަނިވި މަގްސަދުތައް ހާސިލުވާނެ ފަދައިން، ޖަނަވާރު ގެންގުޅެ ބެލެހެއްޓުމަށްޓަކައި އެކަށީގެންވާ އަދަދެއްގެ އެނިމަލް ސެންކްޗުއަރީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ސަރުކާރުން ގާއިމުކުރަންވާނެއެވެ.

(1) ގާނޫނާ ހިލާފުވެގެން ވެރިފަރާތުގެ ނުވަތަ ބަލަހައްޓާ ފަރާތުގެ ކިބައިން ވަކިކުރެވޭ ޖަނަވާރު ބެލެހެއްޓުމަށް

(2) ބަލިޖެހިފައިވާކަމަށް ށައްކުކުރެވޭ ޖަނަވާރު ޓެސްޓުކޮށް ބަލިޖެހިފައިވާކަން ކަށަވަރުކުރުމަށާއި، ބަލިޖެހިފައިވާނަމަ އެ ޖަނަވާރަށް ދޭންޖެހޭ ފަރުވާ ލިބިދެވުމާ ހަމައަށް ޖަނަވާރު ބެލެހެއްޓުމަށް؛

(3) މި ގާނޫނުގެ ދަށުން ރީ-އެކްސްޕޯޓްކުރުމަށް ކަނޑައެޅޭ ޖަނަވާރު ރީ-އެކްސްޕޯޓްކުރެވެންދެން ބެލެހެއްޓުމަށް؛

(4) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ހާލަތްތަކުގައި ވަގުތީގޮތުން ބެލެހެއްޓުމަށްޓަކައި ނަގަންޖެހޭ ޖަނަވާރު ބައިތިއްބައި ބެލެހެއްޓުމަށް.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މަގްސަދުތައް ހާސިލުކުރުމަށް އެކަށީގެންވާ ހިދުމަތްތަކާއި ވަސީލަތްތައް އެނިމަލް ސެންކްޗުއަރީގައި ގާއިމުވެފައި ހުންނަންވާނެއެވެ. އެގޮތުން، އެންމެ މަދުވެގެން، އަންނަނިވި ހިދުމަތްތަކާއި ވަސީލަތްތަކާއި އިންތިޒާމުތައް އެތަނުގައި ހަމަޖައްސައި ފޯރުކޮށްދޭންވާނެއެވެ.

(1) ސެންކްޗުއަރީއަށް ޖަނަވާރެއް ނެގުމުގެ ކުރިން ހެލްތް ސްކްރީނިންގ ހެދުން؛

(2) ސެންކްޗުއަރީއަށް ނަގާ ޖަނަވާރު ވިންތިކޮށް އެކި ބާވަތުގެ ޖަނަވާރު ވަކިކޮށްފައި ބެހެއްޓުމަށާއި، ނުރައްކާތެރި ޖަނަވާރު ވަކިން ގެންގުޅެވޭ ގޮތަށް ވަސީލަތްތައް ގާއިމުވެފައި ހުރުން؛

(3) ޖަނަވާރު އެއް ތަނުން އަނެއް ތަނަށް ގެންދެވޭނެ އެކަށީގެންވާ ވަސީލަތްތައް ހުރުން؛

(4) ސެންކްޗުއަރީގައި ގެންގުޅޭ ޖަނަވާރަށް ބޭނުންވާ މިންވަރަށް ކާނާއާއި ސާފު ބޯފެން ލިބެން ހުރުން؛

(5) ސެންކްޗުއަރީގައި ގެންގުޅޭ ޖަނަވާރަށް ދޭންޖެހޭ ވެކްސިންއާއި ބޭހާއި އެހެނިހެން ފަރުވާދެވޭނެ އިންތިޒާމު ހަމަޖެހިފައިވުން؛

(6) ޖަނަވާރު ކަރަންޓީނުކޮށް ވަކިން ގެންގުޅެވޭނެ ގޮތް ހަމަޖެހިފައި ހުރުން؛

(7) ޒަމާނީ ޓެކްނޮލޮޖީގެ އާލާތްތަކާއި ވަސީލަތްތައް މެދުވެރިކޮށް ހިދުމަތް ދެވޭނެ، އަދި މައުލޫމާތު ރައްކާކޮށް ބެލެހެއްޓޭނެ ނިޒާމުތައް ގާއިމްވެފައިވުން.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކަންކަން ހިމެނޭގޮތުން އަދި އޭގެ އިތުރުން، އެނިމަލް ސެންކްޗުއަރީއިން ލިބެން ހުންނާނެ ހިދުމަތްތަކާއި، ހިދުމަތްތަކަށް ފީ ނެގުމުގެ އުސޫލާއި، އެނިމަލް ސެންކްޗުއަރީ ހިންގުމާގުޅޭ އާންމު އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅައި އާންމުކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ގާއިމުކުރާ އެނިމަލް ސެންކްޗުއަރީ ހިންގާނީ މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ އިދާރާއަކުންނެވެ.

(ބ) މި މާއްދާގެ (ހ) ގެ ދަށުން ގާއިމުކުރާ އެނިމަލް ސެންކްޗުއަރީ ހިންގަނީ މިނިސްޓްރީން ކަމުގައި ނުވާނަމަ، އަދި އެތަނުގެ ހިންގުން މި މާއްދާގެ (ރ) ގެ ދަށުން އެހެން ފަރާތަކާ ހަވާލުކުރާނަމަ، އެފަދައިން ހަވާލުކުރަންވާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، ކަމާގުޅޭގޮތުން މިނިސްޓްރީއާއި އެފަރާތާއެކު ލިޔުމުން ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

(ޅ) ސަރުކާރުން ގާއިމުކުރުމަށް މި މާއްދާގެ (ހ) އިން ލާޒިމުކުރާ އެނިމަލް ސެންކްޗުއަރީ ގާއިމުކުރުމުގެ އިތުރަށް، އެފަދަ ތަންތަން ގާއިމުކޮށް ހިންގުމަށް އެދޭ އަމިއްލަ ފަރާތްތަކަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން އެފަދަ ތަންތަން ގާއިމުކޮށް ހިންގުމުގެ ހުއްދަ މިނިސްޓްރީއަށް ދެވިދާނެއެވެ.

(ކ) މި މާއްދާގެ (ޅ) ގައި ބަޔާންކުރާ ގަވާއިދުގައި، އަމިއްލަ ފަރާތްތަކުން ގާއިމުކުރާ އެނިމަލް ސެންކްޗުއަރީތަކުގައި ފުރިހަމަވާންޖެހޭ މިންގަނޑުތަކާއި އެތަންތަން ހިންގުމުގެ ހުއްދަ ދޫކުރުމުގެ ށަރުތުތަކާއި، އެތަންތަން ހިންގުމާގުޅޭ އުސޫލުތަކާއި އިޖުރާއަތުތަކާއި، އެތަންތަނުގައި ގެންގުޅޭ ޖަނަވާރާ ގުޅޭގޮތުން ފުރިހަމަކުރަންޖެހޭ ރައްކާތެރިކަމުގެ އަދި އެނޫންވެސް މިންގަނޑުތައް ބަޔާންކުރަންވާނެއެވެ.

 

 

ހަތްވަނަ ބާބު

ޖަނަވާރު ގެންގުޅުމާއި ބެލެހެއްޓުމާއި ވެޓެރިނަރީ ފަރުވާދިނުމުގެ ހަމަތައް

 

54 ވަނަ މާއްދާ - ޖަނަވާރު ގެންގުޅެ ބެލެހެއްޓުމުގެ އަސާސީ ހަމަތައް

ދިވެހިރާއްޖޭގައި، ކޮންމެ ފަރާތަކުންވެސް ޖަނަވާރު ގެންގުޅެ ބަލަހައްޓަންވާނީ، އަދި ޖަނަވާރާ ގުޅޭގޮތުން އެނޫންވެސް ކަމެއް ކުރަންވާނީ، ޖަނަވާރުގެ ސިއްހަތާއި އާންމު ސިއްހަތު ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއެކު ޖަނަވާރުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ބޭނުންވާ މިންގަނޑުތައް ފުރިހަމަވާނެ ގޮތުގެމަތިންނެވެ.

 

55 ވަނަ މާއްދާ - ޖަނަވާރު ގެންގުޅުމުގައި ފުރިހަމަވާންޖެހޭ މިންގަނޑުތައް

(ހ) ޖަނަވާރު ގެންގުޅޭ އެންމެހައި ތަންތަނުން އަދި ޖަނަވާރު ގެންގުޅޭ އެންމެހައި ފަރާތްތަކުން ޖަނަވާރު ގެންގުޅުމުގައި އެންމެ މަދުވެގެން ގާއިމުކުރަންޖެހޭ ހިދުމަތްތަކާއި، ވަސީލަތްތަކާއި ޖަނަވާރުގެސިއްހަތާއި އާންމު ސިއްހަތު ރައްކާތެރިކުރުމަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި، ހަމަތަކާއި މިންގަނޑުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. އެފަދައިން، އެ ގަވާއިދުގައި، ކަނޑައަޅާ ހަމަތަކާއި މިންގަނޑުތަކުގެ ތެރޭގައި މަދުވެގެން، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

(1) ޖަނަވާރުގެ ބާވަތާއި، އުމުރާއި ތަބީއަތާއި، ޖަނަވާރު ހެދިބޮޑުވާ މިންވަރާއި، ވެއްޓަށް ހޭނި އޮޅުވެފައިވާ މިންވަރަށް ބަލައި، އެކަށީގެންވާ ހިޔާވައްސެއްގައި ޖަނަވާރު ގެންގުޅުން؛

(2) ޖަނަވާރު ގެންގުޅޭ ތަނުގެ ބޮޑުމިނާއި، ފިނިހޫނުމިނާއި، އަލި ލިބޭ މިންވަރާއި ވައި ދައުރުވާ މިންވަރު، އެތަނެއްގައި އުޅޭ ޖަނަވާރުގެ ބާވަތާއި އަދަދާއި، އެނޫންވެސް ކަންކަމަށް ބަލައި އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުން؛

(3) ޖަނަވާރަށް ބޭނުންވާ، އެ ޖަނަވާރުގެ ބާވަތާގުޅޭ ސާފުތާހިރު ކާނާއާއި ބޯފެން ފޯރުކޮށްދިނުން؛

(4) ދިރިއުޅުމުގައި ޖަނަވާރު އާދަވެގެން، ހަރަކާތްތެރިވެ އުޅޭގޮތަށް، ހަރަކާތްތެރިވުމުގެ ފުރުސަތު ދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށްދިނުން؛

(5) އެހެން ބާވަތުގެ ޖަނަވާރާ ވަކިން ގެންގުޅެންޖެހޭ ބާވަތުގެ ޖަނަވާރު ވަކިން ގެންގުޅުން؛

(6) އަނިޔާއާއި، ބަލިތަކުން ރައްކާތެރިވުމަށް ބޭނުންވާ އަސާސީ ފަރުވާގެ ހިދުމަތްތައް ދެވޭނެ ވަސީލަތްތައް ހުރުން؛

(7) އަލިފާނުގެ ހާދިސާތަކުންނާއި އެނޫންވެސް، ގުދުރަތީ ކާރިސާތަކުން ލިބިދާނެ ގެއްލުމަކުން ރައްކާތެރިކުރުމުގެ ފިޔަވަޅުތައް އެޅުން؛

(8) ބަލިޖެހިފައިވާ ޖަނަވާރު އެކަހެރިކޮށް، ފަރުވާދޭންޖެހޭ ހާލަތެއްގައި، އެކަން ކުރެވޭނެ އިންތިޒާމު އަދި ވަސީލަތްތައް ގާއިމުކުރުން.

(9) ޖަނަވާރު ނައްތާލަންޖެހޭ ހާލަތެއްގައި، އެކަން ކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ހުރުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހަދާ ގަވާއިދުގައި ޖަނަވާރު ގެންގުޅޭ ތަންތަނުގައާއި ޖަނަވާރު ގެންގުޅުމުގައި ފުރިހަމަވާންޖެހޭ މިންގަނޑުތައް ކަނޑައެޅުމުގައި، މި މާއްދާގެ (ނ) ގައި ބަޔާންކުރާ ކަންކަމުގެ އިތުރުން، އެހެނިހެން ކަމާގުޅޭ މިންގަނޑުތަކާއި އުސޫލުތައް ހިމެނިދާނެއެވެ. އަދި، މި މާއްދާގެ (ނ) ގައި ބަޔާންކުރާ ކަންކަމާއި، އެކަންކަމުގެ އިތުރުން ގަވާއިދުގައި އިތުރު މިންގަނޑުތައް ހިމަނާއިރު، ޖަނަވާރު ގެންގުޅުމުގެ ބޭނުމަށް ބަލައި، އެއިން ކޮންމެ ބޭނުމަކަށް ތަފާތު މިންގަނޑުތައް ކަނޑައެޅިދާނެއެވެ.

(ނ) މި މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ޖަނަވާރު ގެންގުޅޭ ތަންތަނުގައާއި ޖަނަވާރު ގެންގުޅުމުގައި ފުރިހަމަވާންޖެހޭ މިންގަނޑުތައް ކަނޑައަޅަންވާނީ، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ޖަނަވާރުގެ ސިއްހަތާއި ވިޔަފާރިއާ ގުޅުންހުރި ބައިނަލްއަގްވާމީ މުއާހަދާތަކާއި އެއްބަސްވުންތަކުގެ ދަށުން، ކަނޑައަޅައި ބަލައިގަނެފައިވާ ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

56 ވަނަ މާއްދާ - އޮޅުކޮށްގެން ޖަނަވާރު ގެންގުޅުން

(ހ) ދިވެހިރާއްޖޭގައި އޮޅުކޮށްގެން އެކުގައި އުޅޭ ޖަނަވާރުގެ ގޮތުގައި ގެންގުޅެންވާނީ، މި ގާނޫނުގެ ދަށުން ކަނޑައަޅާ ޑޮމެސްޓިކޭޓަޑް އެނިމަލް ގިންތީގެ ޖަނަވާރެވެ.

(ށ) މި މާއްދާގެ ބޭނުމަށްޓަކައި، އޮޅުކޮށްގެން ޖަނަވާރު ގެންގުޅުން ކަމަށް ބެލެވޭނީ، ޖަނަވާރު ގެންގުޅޭ ފަރާތް ދިރިއުޅޭ ތަނުގައި، އެފަރާތާ އެކުގައި އޮޅުކޮށްގެން ޖަނަވާރު ގެންގުޅުމަށެވެ.

(ނ) އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު ގެންގުޅެ ބެލެހެއްޓުމުގެ ފުރިހަމަ ޒިންމާ ޖަނަވާރު ގެންގުޅޭ ފަރާތުން އުފުލަންވާނެއެވެ. އެގޮތުން ޅުކޮށްގެން ޖަނަވާރު ގެންގުޅޭ ފަރާތްތަކުން އަންނަނިވި ކަންކަން ފުރިހަމަކޮށް އަންނަނިވި އިންތިޒާމުތައް ހަމަޖައްސަންވާނެއެވެ.

(1) ޖަނަވާރާ އެކަށޭނަ ރަނގަޅު ފެންވަރުގެ ކާނާއާއި ސާފު ބޯފެން ފޯރުކޮށްދިނުން؛

(2) ޖަނަވާރުގެ ސިއްހަތާއި ދުޅަހެޔޮކަމުގެ ޒިންމާ އުފުލައި ރަނގަޅު ސިއްހަތެއްގައި އެތަކެތި ގެންގުޅުން؛

(3) ޖަނަވާރު އާންމުކޮށް އުޅޭ ތަނުން ބޭރަށް ނެރޭ ވަގުތުތަކުގައި، މަގުމައްޗާއި އާންމު ތަންތަނުގެ ސާފުތާހިރުކަން ހިފެހެއްޓުން؛

(4) ޖަނަވާރު މަގުމަތީގައި ނުވަތަ އެހެން އެއްވެސް ތަނެއްގައި ވީއްލިގެން އުޅުމަށް ދޫކޮށްނުލުން؛

(5) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ޖަނަވާރަށް ދޭންޖެހޭ ވެކްސިން ނުވަތަ އެނޫންވެސް ބޭސްފަރުވާ ދެމުން ގެންދިޔުން؛

(6) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެނޫންވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން.

 

57 ވަނަ މާއްދާ - ހިމާޔަތްކޮށްފައިވާ ޖަނަވާރު

(ހ) ދިވެހިރާއްޖޭގެ ކަމާބެހޭ ގާނޫނެއްގެ ދަށުން ހިމާޔަތްކޮށްފައިވާ ޖަނަވާރަށް ދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން އެންމެހައި ފަރާތްތަކުން ދޭންވާނެއެވެ.

(ށ) ކަމާބެހޭ ގާނޫނުގައި ހުއްދަކޮށްފައިވާ ގޮތުގެމަތިން މެނުވީ ހިމާޔަތްކޮށްފައިވާ ޖަނަވާރެއް ހިފައި، ހައްޔަރުގައި ގެންގުޅެ، ބޭނުންކޮށްގެންނުވާނެއެވެ. އަދި، އެއްވެސް ހާލެއްގައި، އެފަދަ ޖަނަވާރަކަށް ގޯނާކޮށް ނުވަތަ ގެއްލުމެއް ދީ، ނުވަތަ އެނޫންވެސް ގޮތަކަށް އެ އެއްޗެއްގެ އާބާދީއަށް ގެއްލުންލިބޭ ފަދަ އަމަލެއްކޮށް، އެ އެއްޗެއް މަރައިގެންނުވާނެއެވެ.

 

58 ވަނަ މާއްދާ - ވީއްލިގެން އުޅޭ ޖަނަވާ

(ހ) މަގާއި އާންމު ތަންތަން ބޭނުންކުރާ ފަރާތްތަކުން އެތަންތަން ބޭނުންކުރާއިރު، އެތަންތަނުގައި ވިއްލިގެން އުޅޭ ޖަނަވާރަށް ރައްކާތެރިވާންވާނެއެވެ.

(ށ) މަގުމަތީގައި ނުވަތަ އެނޫންވެސް އާންމު ތަންތަނުގައި ވިއްލިގެން އުޅޭ ޖަނަވާރާމެދު އެއްވެސް ފަރާތަކުން އަންނަނިވި ކަންކަން ކޮށްގެންނުވާނެއެވެ.

(1) ޖަނަވާރުގެ ފުރާނައަށް ގެއްލުމެއް ދިނުން.

(2) ޖަނަވާރުގެ ސަލާމަތަށް ނުވަތަ ސިއްހަތަށް ނުރައްކާވެދާނެ އެއްވެސް ކަމެއް ކުރުން.

(3) އެނގިހުރެ އެއްވެސް އަނިޔާއެއް ދިނުން.

(4) ނުސާފު ނުވަތަ ރައްކާތެރިނޫން ކާނާއާއި ފެން ޖަނަވާރަށް ދިނުން.

(ނ) ވިއްލިގެން އުޅޭ ޖަނަވާރު އެއްވެސް ފަރާތަކުން ހިފަންވާނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ރ) ދިވެހިރާއްޖޭގައި ވިއްލިގެން އުޅޭ ޖަނަވާރުގެ ތެރެއިން ހިފަން ހުއްދަ ޖަނަވާރުގެ ބާވަތާއި، އެފަދަ ޖަނަވާރު ހިފުން ހުއްދަ ބޭނުންތަކާއި، އެފަދަ ކަމެއް ކުރުމުގައި ފުރިހަމަކުރަންޖެހޭ އުސޫލުތަކާއި އިޖުރާއަތު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ބ) ވިއްލިގެން އުޅޭ ބާވަތުގެ ޖަނަވާރުގެ އާބާދީ ބޮޑުވެ، މީހުންނަށާއި ތިމާވެއްޓަށް އެކަމުގެ ނޭދެވޭ އަސަރުކުރާ މިންވަރަށް ގޮސްފައިވާ ހާލަތެއްގައި އެފަދަ ޖަނަވާރުގެ އާބާދީ ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތައް މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެޅިދާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގެ ދަށުން ޖަނަވާރުގެ އާބާދީ ކޮންޓްރޯލްކުރުމުގެ އެއްވެސް ފިޔަވަޅެއް އެއްވެސް ފަރާތަކުން އަޅަންވާނީ ނުވަތަ ޖަނަވާރު ނައްތާލަންވާނީ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ހުއްދަ ހޯދަ ހޯދުމަށް ފަހު، އެ ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. 

(ކ) ވީއްލިގެން އުޅޭ ޖަނަވާރުގެ އާބާދީ ކޮންޓްރޯލްކުރުމުގެ އެއްވެސް ފިޔަވަޅެއް މި މާއްދާގެ (ށ) ގެ ދަށުން އެޅުމުގެ ހުއްދަ ދޭންވާނީ، އެކަށީގެންވާ އިލްމީ ދިރާސާތަކާއި، އިތުބާރުކުރެވޭ ތަފާސްހިސާބުގެ އަލީގައި، އެ ފިޔަވަޅު އަޅަންޖެހޭފަދަ ހާލަތަކަށް ގޮސްފައިވާކަމަށް ގަބޫލުކުރެވޭނަމައެވެ. އަދި އެއްވެސް ޖަނަވާރެއް ނައްތާލުމަށް ހުއްދަ ދިނުމަށް ނިންމަންވާނީ، ފިޔަވަޅު އަޅައިގެން މެނުވީ އެ ޖަނަވާރުގެ އާބާދީ ކޮންޓްރޯލްކުރެވެން ނެތްނަމައެވެ.

 

59 ވަނަ މާއްދާ - ޖަނަވާރު ފެޅުމާއި އެފަދަ އެހެން ކަންކަން ކުރުން 

(ހ) އަންނަނިވި ހާލަތްތަކުގައި އަދި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން މެނުވީ، އެއްވެސް ފަރާތަކުން ޖަނަވާރު ފަޅައި ނުވަތަ އެނޫންވެސް އެފަދަ އަމަލެއް ހިންގައިގެންނުވާނެއެވެ.

(1) ބޭސްފަރުވާ ކުރުމަށް؛

(2) ހުއްދަ ހާލަތްތަކުގައި ޖަނަވާރު ނުވިހާގޮތް ހެދުމާއި، ހޯޖާކުރުމަށް؛

(3) ނުވިހާގޮތް ހަދާފައިވާ ޖަނަވާރާއި ހޯޖާކޮށްފައިވާ ޖަނަވާރު ފާހަގަކުރުމަށް؛

(4) ތައުލީމާއި، ދިރާސާކުރުމާއި، ބަލި ދެނެގަތުމުގެ ބޭނުމަށް.

(ށ) މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ފިޔަވައި މި މާއްދާގެ (ހ) ގައި ބަޔާންކުރާ އެނޫން ހުއްދަ ހާލަތްތަކުގައި ޖަނަވާރު ފެޅުމާއި، އެފަދަ ކަންކަން ކުރަންވާނީ ވެޓެރިނަރީ ހިދުމަތްދޭ ފަރާތެއްގެ ގޮތުގައި މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށް ހުއްދަ ލިބިފައިވާ ފަރާތަކުން ނުވަތަ އެފަދަ ފަރާތެއްގެ ބެލުމުގެ ދަށުންނެވެ.

 

60 ވަނަ މާއްދާ - ޖަނަވާރު ނައްތާލުން

(ހ) އަންނަނިވި ހާލަތްތަކުގައި، އަދި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި، ކަނޑައަޅާފައިވާ ގޮތުގެމަތިން މެނުވީ، އެއްވެސް، ފަރާތަކުން، އެފަރާތަކުން ގެންގުޅެ ބަލަހައްޓަމުންދާ ޖަނަވާރެއް ނައްތާލައިގެންނުވާނެއެވެ.

(1) ފުރާނައަށް ނުރައްކާވާ ދަރަޖައަށް ޒަހަމްވެފައިވުމުގެ ސަބަބުން ނުވަތަ ފަރުވާކުރެވެން ނެތް ބައްޔެއް ޖެހިފައިވުމުގެ ސަބަބުން ނުވަތަ، ފަރުވާދީގެން ރަނގަޅުކުރެވެން ނެތް މިންވަރަށް ބަލިވުމުގެ ސަބަބުން ޖަނަވާރަށް ލިބެމުންދާ ވޭން ކުޑަކުރުމަށްޓަކައި؛

(2) ޖަނަވާރުގެ މެދުގައި، ފެތުރޭ ނުވަތަ ޖަނަވާރުގެ ޒަރީއާއިން އިންސާނުންނަށް ޖެހޭ ބައްޔެއް ޖަނަވާރަށް ޖެހިފައިވުމުގެ ސަބަބުން ނުވަތަ ބަލިޖައްސާ އަސްލެއް، ޖަނަވާރުގައި ހުރުމުގެ ސަބަބުން އާންމު، ސިއްހަތު ރައްކާތެރިކުރުމަށްޓަކައި؛

(3) މީހުންނަށް އަދި/ނުވަތަ މުދަލަށް ހުރި ނުރައްކަލަކަށް ޖަނަވާރު ވެފައިވާ ހާލަތުގައި؛

(4) އެއީ ގާނޫނާ ހިލާފަށް ދިވެހިރާއްޖެއަށް އެތެރެކުރި ޖަނަވާރަކަށްވެފައި، އެ، ޖަނަވާރު ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ އެހެން، ގޮތެއް ނެތުމާއެކު އެ ޖަނަވާރު ނައްތާލުމަކީ އެންމެ، ރަނގަޅު ގޮތް ކަމުގައިވުން.

(ށ) މި މާއްދާގެ ދަށުން ހުއްދަކުރާ ހާލަތްތަކުގައިވެސް ޖަނަވާރެއް ނައްތާލަންވާނީ، މި، ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ޖަނަވާރު ނައްތާލުމުގެ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތްވާ، ގޮތުގެމަތިންނެވެ.

 

61 ވަނަ މާއްދާ - ޖަނަވާރު އެއް ތަނުން އަނެއް ތަނަށް ގެންދިޔުން

(ހ) ދިވެހިރާއްޖެއަށް ޖަނަވާރު، އެތެރެކުރުމުގައާއި ދިވެހިރާއްޖޭގައި ޖަނަވާރު އެއް ތަނުން އަނެއް، ތަނަށް، ގެންދިޔުމުގައި، ޖަނަވާރު އުފުލައި ގެންގުޅެންވާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ރައްކާތެރިކަމުގެ އަދި ސަލާމަތީ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގަވާއިދުގައި، އެކި ބާވަތުގެ ޖަނަވާރު އުފުލުމުގައި ބޭނުންކުރުން ހުއްދަ އުޅަނދުފަހަރާއި، އެފަދަ އުޅަނދުފަހަރުގައި ހުންނަންޖެހޭ މިންގަނޑުތަކާއި، އެ އުޅަނދުފަހަރުތަކުގައި ޖަނަވާރު އުފުލުމުގައި ފުރިހަމަކުރަންޖެހޭ ސަލާމަތީ މިންގަނޑުތަކާއި، އެނޫންވެސް ކަމާގުޅޭ މިންގަނޑުތަކާއި އުސޫލުތައް ބަޔާންކުރަންވާނެއެވެ.

 

62 ވަނަ މާއްދާ - ވެޓެރިނަރީ ފަރުވާގެ ނިޒާމު

ދިވެހިރާއްޖޭގައި ދިރިއުޅޭ ޖަނަވާރުގެ ދުޅަހެޔޮކަމާއި ސިއްހަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި، ޖަނަވާރަށް ޖެހޭ ބަލިތަކާއި ޖަނަވާރުގެ ސިއްހަތަށް ލިބޭ އެނޫންވެސް ގެއްލުންތަކުން ޖަނަވާރު ރައްކާތެރިކުރުމަށް ބޭނުންވާނެ މައުލޫމާތާއި ވަސީލަތްތަކާއި ހިދުމަތްތަކާއި، ވެޓެރިނަރީ ފަރުވާ، ދެމެހެއްޓެނިވި އުސޫލަކުން އެކަށީގެންވާ ރައްކާތެރިކަމާއެކު އަދި ރަނގަޅު ފެންވަރުގައި ފޯރުކޮށްދެވޭ ވެޓެރިނަރީ ފަރުވާގެ ނިޒާމެއް ގާއިމުކޮށް، އެ ނިޒާމުގެ ހިންގުން މިނިސްޓްރީން ކަށަވަރުކުރަންވާނެއެވެ. އެގޮތުން، އެ ނިޒާމުގައި، އަންނަނިވި ކަންކަން ފުރިހަމަވާކަން މިނިސްޓްރީން ކަށަވަރުކުރަންވާނެއެވެ.

(ހ) ޖަނަވާރުގެ ދުޅަހެޔޮކަމާއި ރައްކާތެރިކަމަށް އަމާޒުކުރެވިގެން، ދެވޭ، ފެންވަރު ރަނގަޅު ބޭސްފަރުވާގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުން؛

(ށ) ޖަނަވާރަށް ބޭސްފަރުވާކުރާ ފަރާތްތަކުން ފޯރުކޮށްދޭ ބޭސްފަރުވާގެ ހިދުމަތަކީ ގާބިލުކަމާއެކު، ކަމުގެ ހުނަރުލިބިގެން، ފޯރުކޮށްދޭ ހިދުމަތަކަށް ހެދުން؛

(ނ) ދިވެހިރާއްޖެއަށް ބޭނުންވާ މިންވަރަށް ޖަނަވާރަށް ބޭސްފަރުވާ ފޯރުކޮށްދޭ ތަންތަން ގާއިމުކޮށް ހިންގުން.

(ރ) ޖަނަވާރުގެ ބޭސްފަރުވާގެ ހިދުމަތަކީ އަދި ހިދުމަތްދޭ ތަންތަނަކީ، މި ގާނޫނުގެ ދަށުން، ހަދާ ގަވާއިދުގައި ބަޔާންކުރާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން މުޖުތަމައުއާއި، ގައުމީ އަދި ބައިނަލްއަގްވާމީ މިންގަނޑުތަކުން ގަބޫލުކުރާ ފެންވަރުގެ ހިދުމަތްތަކާއި ތަންތަން ކަމުގައި ހެދުން.

 

63 ވަނަ މާޢްދާ - ވެޓެރިނަރީ ހިދުމަތްދޭ ތަންތަން 

(ހ) ދިވެހިރާއްޖޭގައި ދިރިއުޅޭ ޖަނަވާރުގެ ބާވަތްތަކާއި ޖަނަވާރުގެ މިންވަރަށް ބިނާކޮށް ޖަނަވާރުގެ ބޭސްފަރުވާގެ އަސާސީ ހިދުމަތްތައް ދެވޭނެ މަރުކަޒުތައް މި ގާނޫނުގެ ދަށުން ގާއިމުކޮށް، ހިންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހިދުމަތްތައް ދެވޭނެ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އަދަދެއްގެ މަރުކަޒުތައް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ސަރުކާރުން ގާއިމުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ސަރުކާރުން ގާއިމުކުރާ މަރުކަޒުތަކުގެ އިތުރުން ދިވެހިރާއްޖޭގައި ޖަނަވާރުގެ ވެޓެރިނަރީ ހިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި އަމިއްލަ ފަރާތްތަކަށް ހުއްދަ ދެވިދާނެއެވެ. އަދި އެފަދައިން ވެޓެރިނަރީ ހިދުމަތެއް ފޯރުކޮށްދެވޭނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން ރަޖިސްޓަރީކޮށް ހިންގާ ޖަނަވާރުގެ ވެޓެރިނަރީ ހިދުމަތްދޭ ތަނަކުންނެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އަސާސީ ހިދުމަތްތަކުގެ އިތުރުން، ވެޓެރިނަރީ ހިދުމަތްދޭ ތަފާތު ގިންތީގެ ތަންތަން ކަނޑައަޅައި، އެއިން ކޮންމެ ގިންތިއެއްގެ ތަންތަނުގައި ފުރިހަމަވާންޖެހޭ މިންގަނޑުތަކާއި އެފަދަ ތަންތަނުން ހިދުމަތް ދިނުމުގެ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ނ) ގެ ދަށުން ވެޓެރިނަރީ ހިދުމަތްދޭ ތަންތަން ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅަންޖެހޭ މައުލޫމާތާއި ލިއެކިއުމާއި ރަޖިސްޓަރީކޮށްދިނުމުގައި އަމަލުކުރެވޭނެ އުސޫލުތަކާއި އިޖުރާއަތުތައް، "އަދި ރަޖިސްޓަރީ ބާތިލުވާނެ ނުވަތަ ހިފެހެއްޓޭނެ ހާލަތްތަކާއި، ރަޖިސްޓަރީގެ މުއްދަތާއި، ރަޖިސްޓަރީކޮށްދިނުމުގެ ފީގެ މިންވަރާއި، ރަޖިސްޓަރީ އާކުރުމުގެ އިޖުރާއަތުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ޅ) މި މާއްދާގެ (ނ) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ވެޓެރިނަރީ ހިދުމަތްދޭ ތަންތަނުން މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ ހިލާފުވާ ހާލަތްތަކުގައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި، ބަޔާންކުރާ ގޮތުގެމަތިން އެތަންތަނުގެ ރަޖިސްޓަރީ ވަކި މުއްދަތަކަށް ހިފެހެއްޓުމުގެ ނުވަތަ ބާތިލުކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ކ) ވެޓެރިނަރީ ހިދުމަތްދޭ ތަންތަން ހިންގަނީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި، ކަނޑައަޅާފައިވާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތަށްކަން ކަށަވަރުކުރުމަށްޓަކައި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެތަންތަން މޮނިޓަރކުރެވޭނެ ނިޒާމެއް މިނިސްޓްރީން ގާއިމުކުރަންވާނެއެވެ.

 

64 ވަނަ މާއްދާ - ވެޓެރިނަރީ ހިދުމަތްދޭ ފަރާތްތައް

(ހ) ޖަނަވާރަށް ބޭސްފަރުވާކޮށް ބޭސްފަރުވާކުރުމުގެ އެއްވެސް ހިދުމަތެއް ދެވޭނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން މިނިސްޓްރީގައި ރަޖިސްޓަރީކޮށް ލައިސަންސް ލިބިފައިވާ ވެޓެރިނޭރިއަނުންނަށާއި އެނޫންވެސް ވެޓެރިނަރީ ދާއިރާގެ ހާއްސަ ފަންނީ މަސައްކަތްތެރިންނަށެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ވެޓެރިނަރީ ހިދުމަތްދޭ ފަންނީ މަސައްކަތްތެރިންގެ ގިންތިތައް ކަނޑައަޅައި، އެއިން ކޮންމެ ގިންތިއެއްގެ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ފަންނީ އަދި އިލްމީ މިންގަނޑުތައް މިނިސްޓްރީން ކަނޑައަޅަންވާނެއެވެ.

(ނ) ވެޓެރިނަރީ ހިދުމަތްދޭ ފަންނީ މަސައްކަތްތެރިން ރަޖިސްޓަރީކޮށްދިނުމުގެ އުސޫލުތަކާއި، އެފަރާތްތަކުން ލައިސަންސް ހޯދުމަށް އެދި ހުށަހަޅަންޖެހޭ މައުލޫމާތި ލިޔެކިޔުމާއި، ރަޖިސްޓަރީކޮށް ލައިސަންސް ދިނުމުގައި އަމަލުކުރެވޭނެ އުސޫލުތަކާއި، އިޖުރާއަތުތައް އަދި ރަޖިސްޓަރީއާއި، ލައިސަންސް ބާތިލުވާނެ ނުވަތަ ހިފެހެއްޓޭނެ ހާލަތްތަކާއި، ލައިސަންސްގެ މުއްދަތާއި، ރަޖިސްޓަރީކޮށްދިނުމުގެ ފީގެ މިންވަރާއި، ލައިސަންސް އާކުރުމުގެ އިޖުރާއަތުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ރ) ވެޓެރިނަރީ ހިދުމަތްދޭ ފަންނީ މަސައްކަތްތެރިއެއްގެ ގޮތުގައި މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށް ލައިސަންސް ލިބިފައިވާ ފަރާތަކުން ހިދުމަތް ދޭންވާނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި އެފަދަ ހިދުމަތް ދިނުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ބ) މި ގާނޫނުގެ ދަށުން ލައިސަންސް ލިބިފައިވާ ފަރާތަކުން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ވެޓެރިނަރީ ހިދުމަތް ދިނުމުގެ މިންގަނޑުތަކާއި، އުސޫލުތަކާ ހިލާފުވާ ހާލަތްތަކުގައި، އެފަރާތަކަށް ދޫކޮށްފައިވާ ލައިސަންސް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން ވަކި މުއްދަތަކަށް ވަގުތީގޮތުން ހިފެހެއްޓުމުގެ ނުވަތަ ބާތިލުކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

 

އަށްވަނަ ބާބު

ޖަނަވާރަށް ޖެހޭ ބަލިން ރައްކާތެރިވުމާއި، އެ ބަލި ކޮންޓްރޯލްކުރުން

 

65 ވަނަ މާއްދާ - ޖަނަވާރަށް ޖެހޭ ބަލިތައް ދުރާލާ ދެނެގަތުމާއި، ބަލި ކޮންޓްރޯލްކުރުމުގެ ނިޒާމު

(ހ) ޖަނަވާރަށް ޖެހޭ ބަލިތައް ދިވެހިރާއްޖެއަށް ތައާރުފުވިޔަ ނުދިނުމަށްޓަކައި، އަދި އެފަދަ ބަލިތައް ތައާރުފުވެ، ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި އެފަދަ ބަލިތައް ދުރާލާ ދެނެގަތުމާއި، ކޮންޓްރޯލްކުރުމަށްޓަކައި އެކަށީގެންވާ ފިޔަވަޅުތައް އެޅެމުންދާނެ ނިޒާމެއް މިނިސްޓްރީން ގާއިމުކުރަންވާނެއެވެ.

(ށ) މި މާއްދާގެ ދަށުން ގާއިމުކުރާ ނިޒާމުގައި މަދުވެގެން އަންނަނިވި ހިދުމަތްތަކާއި ވަސީލަތްތައް ހިމަނަންވާނެއެވެ:

(1) ޖަނަވާރަށް ޖެހޭ ބަލިތައް ވަގުތުން ރިޕޯޓުކުރެވޭނެ ވަސީލަތްތައް؛

(2) ޖަނަވާރުގެ ސާމްޕަލް ތަހްލީލުކޮށް އެނޫންވެސް އެފަދަ ހިދުމަތްތައް ދެވޭނެ އެކަށީގެންވާ ލެބޯޓަރީއެއް؛

(3) ކަރަންޓީން ފެސިލިޓީތައް؛

(4) ފަރުވާދިނުމުގެ ފެސިލިޓީތައް؛

(5) ވަގުތުން ފަރުވާދިނުމުގެ ހިދުމަތްތައް.

 

66 ވަނަ މާއްދާ - ރިޕޯޓުކުރަންޖެހޭ ބަލިތައް

(ހ) މި ގާނޫނުގެ ބޭނުމަށްޓަކައި، ޖަނަވާރަށް ޖެހޭ ބަލިތަކުގެ ތެރެއިން މިނިސްޓްރީން ގާއިމުކުރާ ބަލިތައް ދުރާލާ ދެނެގަތުމާއި ބަލި ކޮންޓްރޯލްކުރުމުގެ ނިޒާމުގެ ދަށުން ރިޕޯޓުކުރުން ލާޒިމު ބަލިތައް މިނިސްޓްރީން ކަނޑައަޅަންވާނެއެވެ.

(ށ) ވަކި ބައްޔަކީ ގަވާއިދުން މޮނިޓަރކުރަންޖެހޭ ބައްޔެއް ނުވަތަ އެނޫންވެސް ރައްކާތެރިކަމުގެ ފިޔަވަޅެއް އަޅަންޖެހޭތީ ރިޕޯޓުކުރަންޖެހޭ ބައްޔެއް ކަމުގައި މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓްރީން ކަނޑައަޅަންވާނީ ވަރލްޑް އޯގަނައިޒޭށަން ފޯރ އެނިމަލް ހެލްތްގެ ރިޕޯޓުކުރަންޖެހޭ ބަލިތަކުގެ ލިސްޓުގެ މައްޗަށް ބިނާކޮށް، ކަމާގުޅޭ ފަންނީ މާހިރުންގެ ލަފަޔާއެކުއެވެ.

(ނ) ވަކި ބައްޔަކީ ރިޕޯޓުކުރަންޖެހޭ ބައްޔެއްގެ ގޮތުގައި މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓްރީން ކަނޑައަޅައިފިނަމަ، އެކަން އާންމުކޮށް އަންގައި އިއުލާނުކުރަންވާނެއެވެ.

(ރ) ރިޕޯޓުކުރަންޖެހޭ ބައްޔެއް ޖަނަވާރަކަށް ޖެހިފައިވާކަން ޖަނަވާރެއް ބެލުމާ ހަވާލުވެފައިވާ ފަރާތަކަށް ނުވަތަ ފަރުވާދޭ މަރުކަޒެއް ހިންގާ ފަރާތަކަށް ނުވަތަ ވެޓެރިނަރީ ހިދުމަތްދޭ ފަންނީ މަސައްކަތްތެރިއަކަށް، ނުވަތަ އެނޫންވެސް އެހެން ފަރާތަކަށް އެނގިއްޖެނަމަ މި ގާނޫނުގެ 65 ވަނަ މާއްދާގެ ދަށުން ގާއިމުކޮށްފައިވާ ނިޒާމުގެ ދަށުން މިނިސްޓްރީއަށް އެކަން ރިޕޯޓުކުރަންވާނެއެވެ.

(ބ) ޖަނަވާރަށް ޖެހޭ ބައްޔެއް އުޅޭކަމަށް ށައްކުކުރެވޭ ނުވަތަ އެނގޭ ފަރާތަކުން މި ގާނޫނުގެ 65 ވަނަ މާއްދާގެ ދަށުން ގާއިމުކޮށްފައިވާ ނިޒާމުގެ ދަށުން އެކަމުގެ މައުލޫމާތު މިނިސްޓްރީއަށް ރިޕޯޓުކުރުމުގައި އަމަލުކުރާނެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ޅ) މި މާއްދާގެ (ހ) ގެ ދަށުން ރިޕޯޓުކުރަންޖެހޭ ބައްޔެއްގެ މައުލޫމާތު މިނިސްޓްރީއަށް ރިޕޯޓުކުރާ ފަރާތްތަކުން މިނިސްޓްރީން އެދިއްޖެނަމަ އެކަމާގުޅޭ އިތުރު މައުލޫމާތު މިނިސްޓްރީއަށް ފޯރުކޮށްދޭންވާނެއެވެ.

 

67 ވަނަ މާއްދާ - ޖަނަވާރަށް ޖެހޭ ބަލި އެތެރެވުމާއި ތައާރުފުވުން ހުއްޓުވުން

ޖަނަވާރަށް ޖެހޭ ބައްޔެއް ދިވެހިރާއްޖެއަށް އެތެރެވުން ހުއްޓުވުމަށްޓަކައި އަންނަނިވި ފިޔަވަޅުތައް މިނިސްޓްރީން އަޅަންވާނެއެވެ.

(ހ) ޖަނަވާރަށް ޖެހޭ ބަލިތަކުގެ ނުރައްކާ ދެނެގަތުމަށްޓަކައި ދިރާސާތައް ކުރުން؛

(ށ) މި ގާނޫނުގެ 66 ވަނަ މާއްދާގެ ދަށުން ކަނޑައަޅައި އިއުލާނުކުރާ ރިޕޯޓުކުރަންޖެހޭ ބަލިތަކުގެ ލިސްޓެއް އެކުލަވާލައި، ބެލެހެއްޓުން؛

(ނ) ޖަނަވާރަށް ޖެހޭ ބަލިތައް ފެތުރޭ ގައުމުތަކުން ޖަނަވާރު އިމްޕޯޓްކުރުން، ވަކި މުއްދަތަކަށް މަނާކުރުން؛

(ރ) ބަލި ފެތުރޭ ހާލަތެއްގައި މި ގާނޫނުގެ ދަށުން ދީފައިވާ އިމްޕޯޓް ހުއްދަތައް ބާތިލުކުރުމާއި، އެފަދަ ހުއްދަ ދޫކުރުން، ވަގުތީގޮތުން މެދުކަނޑާލުން؛

(ބ) ބަލި ފެތުރޭ ހާލަތެއްގައި، އެ ބަލިޖެހިފައިވާކަމަށް ބެލެވޭ ނުވަތަ ބަލިޖައްސާ އަސްލެއް ހުރިކަމަށް ބެލެވޭ ޖަނަވާރު ވިއްކުން މަނާކުރުން؛

(ޅ) ބަލި ފެތުރޭ ހާލަތެއްގައި، މިނިސްޓްރީގެ ހުއްދައާ ނުލައި، ބަލިއުޅޭ ސަރަހައްދެއްކަމުގައި މިނިސްޓްރީން ކަނޑައަޅާފައިވާ ސަރަހައްދަކުން އެހެން ސަރަހައްދަކަށް ނުވަތަ ރަށަކަށް ޖަނަވާރު ގެންދިޔުން މަނާކުރުން؛

(ކ) ޖަނަވާރު ގެންގުޅޭ ތަންތަނާއި ވިއްކާ ތަންތަނުގައި، ރައްކާތެރިކަމުގެ މިންގަނޑުތައް ތަންފީޒުކުރުމާއި، އެތަންތަނުގައި ގެންގުޅޭ ޖަނަވާރަށް ވެކްސިންދިނުމާއި ފަރުވާދިނުމަށް ލާޒިމުކުރުން.

 

68 ވަނަ މާއްދާ - ޖަނަވާރަށް ޖެހޭ ބަލި ކޮންޓްރޯލްކުރުމަށް އަންނަނިވި ފިޔަވަޅުތައް މިނިސްޓްރީން އަޅަންވާނެއެވެ.

(ހ) ބަލިތަކަށް ފާރަވެރިވެ ބަލި ދެނެގަތުމުގެ ޕްރޮގްރާމުތައް ހިންގުން؛

(ށ) ބަލި ފެތުރޭ ގައުމުތަކާއި ދިވެހިރާއްޖޭގައި ބަލިއުޅޭ ސަރަހައްދުތައް ނުވަތަ ރަށްތައް އިއުލާނުކުރުމާއި، ބަލި ފެތުރުން ކޮންޓްރޯލްވެ، ބަލި ފިލައިދިޔުމުން އެ ބަލި ނެތްކަން އިއުލާނުކުރުން؛

(ނ) ޖަނަވާރު ގެންގުޅޭ ތަންތަނާއި ޖަނަވާރު ވިއްކާ ތަންތަން ބަލައި ފާސްކުރުމާއި، ސާމްޕަލް ނެގުމާއި ބަލައި ފާސްކުރުމުގެ މިންގަނޑުތައް ތަންފީޒުކުރުން؛

(ރ) ބަލީގެ އަލާމާތްތައް ފެންނަ ހާލަތެއްގައި ނުވަތަ ބައްޔެއް ފެތުރިގެން ޖަނަވާރު މަރުވާ ހާލަތުގައި، މިނިސްޓްރީއަށް އެންގޭނެ ނިޒާމެއް ގާއިމުކުރުމާއި އެކަން ކުރާނެ އިޖުރާއަތުތައް ކަނޑައެޅުން؛

(ބ) ބަލިއުޅޭ ސަރަހައްދުތައް ނުވަތަ ރަށްތައް އިއުލާނުކުރުމާއި، އެގޮތުން އިއުލާނުކޮށްފައިވާ ސަރަހައްދުތަކުން ނުވަތަ ރަށްތަކުން މިނިސްޓްރީގެ ހުއްދައަކާ ނުލައި ޖަނަވާރު ގެންދިޔުން ހުއްޓުވުން.

 

69 ވަނަ މާއްދާ - ރިޕޯޓުކުރަންޖެހޭ ބައްޔެއް ފެތުރޭ ހާލަތުގައި ފިޔަވަޅު އެޅުން

މި ގާނޫނުގެ 66 ވަނަ މާއްދާގެ ދަށުން ކަނޑައަޅައި އިއުލާނުކޮށްފައިވާ ރިޕޯޓުކުރަންޖެހޭ ބައްޔެއް، އެއްވެސް ގައުމެއްގައި ނުވަތަ ދިވެހިރާއްޖޭގައި ފެތުރޭ ހާލަތެއްގައި މިނިސްޓްރީން އަންނަނިވި ފިޔަވަޅުތައް އަޅަންވާނެއެވެ.

(ހ) ބަލިއުޅޭ ގައުމުތައް ލަސްނުކޮށް، އިއުލާނުކުރުމާއި، އެ ގައުމުތަކުން ޖަނަވާރު އިމްޕޯޓްކުރުން، މަނާކުރުމާއި، އެ ގައުމުތަކުން ޖަނަވާރު އިމްޕޯޓްކުރުމަށް ދޫކޮށްފައިވާ ހުއްދަތައް ބާތިލުކުރުން ނުވަތަ ވަގުތީގޮތުން ހުއްދަ ދޫކުރުން، މެދުކަނޑާލުން؛

(ށ) ދިވެހިރާއްޖޭގައި، ޖަނަވާރަށް ޖެހޭ ބައްޔެއް ފެތުރޭ ހިނދެއްގައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި، ބަޔާންކުރާ ގޮތުގެމަތިން ބަލިއުޅޭ ރަށް ނުވަތަ ސަރަހައްދުތައް ކަނޑައަޅައި އެއީ ކަރަންޓީން ސަރަހައްދުތަކެއް ކަމުގައި ކަނޑައެޅުން؛

(ނ) ބަލިއުޅޭ ގައުމުތަކުގައި ނުވަތަ ދިވެހިރާއްޖޭގައި، ބަލި ފެތުރުން ކޮންޓްރޯލްވެ، ބަލި ނެތްކަން ކަށަވަރުވުމުން، ބަލި ނޫޅޭކަމަށް ކަނޑައެޅިފައިވާ މުއްދަތު ހަމަވުމަށްފަހު ބަލިއުޅޭކަމަށް ކުރިން ކޮށްފައިވާ އިއުލާނު، ބާތިލުކޮށް އެކަން، އިއުލާނުކުރުން.

 

70 ވަނަ މާއްދާ - ރިޕޯޓުކުރަންޖެހޭ ބައްޔެއް ހުރިނަމަ އަމަލުކުރަންވީ ގޮތް

(ހ) ޖަނަވާރެއްގައި ނުވަތަ ޖަނަވާރުގެ ބައެއްގައި ރިޕޯޓުކުރަންޖެހޭ ބައްޔެއް ހުރިކަމަށް ގަބޫލުކުރެވޭނަމަ އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށް، މިނިސްޓްރީއަށް އަމަލުކުރެވިދާނެއެވެ.

(1) ބަލިޖެހިފައިވާކަމަށް ބެލެވޭ ޖަނަވާރު ނުވަތަ ޖަނަވާރުގެ ބައެއް ހިފެހެއްޓުން؛

(2) ބަލިޖެހިފައިވާކަމަށް ބެލެވޭ ޖަނަވާރު ކަރަންޓީނުކުރުމަށް ލާޒިމުކުރުން؛

(3) ބަލިޖެހިފައިވާ ޖަނަވާރަށް، ފަރުވާދިނުމަށް، އެންގުން؛

(4) ފަރުވާދީގެން ރަނގަޅުކުރުމުގެ ފުރުސަތު ނެތްނަމަ ޖަނަވާރު ނުވަތަ ޖަނަވާރުގެ ބައެއް/ބައިތައް ނައްތާލުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން، އަމަލުކުރުމުގައި، ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް މި ގާނޫނުގެ ދަށުން، ހަދާ ގަވާއިދުގައި، ބަޔާންކުރަންވާނެއެވެ.

 

71 ވަނަ މާއްދާ - ޖަނަވާރުގެ ދަރީއާއިން އިންސާނުންނަށް ޖެހޭ ބަލިން ރައްކާތެރިވުމާއި ކޮންޓްރޯލްކުރުން

(ހ) މި ގާނޫނުގައި، ކަނޑައެޅިގެން އެނޫން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ޖަނަވާރުގެ ދަރީއާއިން އިންސާނުންނަށް ޖެހޭ ބަލިތައް ކޮންޓްރޯލްކުރުމާ ގުޅޭގޮތުން އަމަލުކުރާނީ، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިންނެވެ.

(ށ) ޖަނަވާރަށް ޖެހިފައިވާ ބައްޔަކީ، އޭގެ ސަބަބުން އިންސާނުންނަށް އެކަމުގެ ނޭދެވޭ ސިއްހީ އަސަރު ކުރާނެ ބައްޔެއް ކަމުގައިވުމުގެ ސަބަބުން އެ ބައްޔަކީ ނުވަތަ އެ ހާލަތަކީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ސިއްހީ ނުރައްކަލެއް ކަމުގައި ނުވަތަ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމުގައި ނުވަތަ އާންމު ސިއްހަތަށް ނުރައްކާވާފަދަ ކަމެއް ކަމުގައި ކަނޑައެޅިއްޖެނަމަ އެ ބައްޔަކާ މެދު އަދި/ނުވަތަ އެ ހާލަތަކާ ގުޅޭގޮތުން އަމަލުކުރާނީ އެ ގާނޫނަށެވެ. އަދި، އެ ގާނޫނުގެ ދަށުން އެފަދައިން ކަނޑައެޅުމާއެކު އެފަދަ ބައްޔަކާ ނުވަތަ ހާލަތަކާ ގުޅޭގޮތުން މި ގާނޫނުގެ ދަށުން އެޅުމަށް ލާޒިމުކުރާ ފިޔަވަޅުތައް އެ ގާނޫނުގެ ދަށުން އަޅާ ފިޔަވަޅުތަކާ ތައާރުޒުވާ ނިސްބަތަކަށް ބާތިލުވާނެއެވެ.

 

 

ނުވަވަނަ ބާބު

ޖަނަވާރު ގެންގުޅޭ ތަންތަން އިންސްޕެކްޓްކުރުން

 

72 ވަނަ މާއްދާ - ޖަނަވާރު ގެންގުޅޭ ތަންތަނާއި ފަރާތްތަކާއި ހިދުމަތްތައް އިންސްޕެކްޓްކުރުން

(ހ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އަންނަނިވި ފަރާތްތަކާއި، ތަންތަނާއި، ތަކެއްޗާއި، ހިދުމަތްތައް މި ބާބުގައިވާ ގޮތުގެމަތިން އިންސްޕެކްޓްކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(1) މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ޖަނަވާރާއި، ޖަނަވާރުގެ ބައިތައް އިމްޕޯޓްކުރާ ފަރާތްތައް؛

(2) ޖަނަވާރާއި، ޖަނަވާރުގެ ބައިތައް ގެންގުޅުމަށް މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ތަންތަން؛

(3) ޖަނަވާރު ނުވަތަ ޖަނަވާރުގެ ބައިތައް ގެންގުޅުމަށް މި ގާނޫނުގެ ދަށުން ހުއްދަ ދޫކޮށްފައިވާ ފަރާތްތައް؛

(4) އެނިމަލް ސެންކްޗުއަރީތައް؛

(5) ވެޓެރިނަރީ ހިދުމަތްތައް ދިނުމަށް، މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްދީފައިވާ ތަންތަނާއި އެތަންތަނުން ދޭ ހިދުމަތްތައް؛

(6) ޖަނަވާރުގެ ކާނާ އިމްޕޯޓްކޮށް، ވިއްކުމަށް މި ގާނޫނުގެ ދަށުން ހުއްދަ ދޫކޮށްފައިވާ ފަރާތްތައް؛

(7) މި ގާނޫނުގެ ދަށުން ފޯރުކޮށްދޭންޖެހޭ އެނޫންވެސް ހިދުމަތްތައް.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހިންގާ އިންސްޕެކްށަންތައް ހިންގުމުގެ އުސޫލުތަކާއި، އިޖުރާއަތު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ނ) މި ގާނޫނުގެ ދަށުން، ބަލައި ފާސްކުރުމުގައި، ހަރަކާތްތެރިވާނީ މިނިސްޓްރީން އެކަމަށް ކަނޑައަޅާ އިންސްޕެކްޓަރުންނެވެ. އަދި އެ އިންސްޕެކްޓަރުންނަކީ މި ގާނޫނުގެ ދަށުން އިންސްޕެކްޓްކުރުމުގެ ބާރު ލިބިދޭ ތަނެއްގައި މަސައްކަތްކުރާ ނުވަތަ އެފަދަ ތަނެއް ހިންގުމާ ހަވާލުވެހުރި ނުވަތަ އެފަދަ ތަނެއްގައި އެފަރާތުގެ މަސްލަހަތެއް އޮތް ފަރާތަކަށް ވެގެންނުވާނެއެވެ.

 

73 ވަނަ މާއްދާ - އިންސްޕެކްޓަރުންނަށް ލިބިގެންވާ ބާރުތައް

(ހ) މި ގާނޫނުގެ 72 ވަނަ މާއްދާގެ ދަށުން ހިންގާ އިންސްޕެކްށަނެއްގައި، އަންނަނިވި ކަންކަން ކުރުމުގެ ބާރު، މިނިސްޓްރީގެ އިންސްޕެކްޓަރުންނަށް ލިބިގެންވެއެވެ.

(1) އިންސްޕެކްޓްކުރެވޭ ތަނަކީ، އާންމުންނަށް ވަދެނިކުމެވޭ ފަދަ އާންމު ތަނެއްނަމަ، އެތަނަކަށް، އެތަން ހުޅުވާފައިވާ ވަގުތުތަކުގައި ވަދެ ބަލައި ފާސްކުރުން؛

(2) އިންސްޕެކްޓްކުރެވޭ ތަނުގައިވާ ޖަނަވާރު ނުވަތަ ޖަނަވާރުގެ ބައިތައް ނުވަތަ ޖަނަވާރުގެ ކާނާ ބަލައި އިންސްޕެކްޓުކުރުން؛

(3) އިންސްޕެކްޓްކުރެވޭ ތަނުގައި ގެންގުޅޭ ޖަނަވާރާއި ޖަނަވާރުގެ ބައިތަކާއި، ޖަނަވާރުގެ ކާނާއާއި އެތަނަކުން ދޭ ހިދުމަތްތަކާގުޅޭ ލިޔެކިޔުންތައް ބަލައި، ކޮޕީ ހެއްދުން؛

(4) އިންސްޕެކްޓްކުރެވޭ ތަނުގައި ގެންގުޅޭ، ޖަނަވާރުގެ ނުވަތަ ޖަނަވާރުގެ ބައިތަކުގެ ސާމްޕަލް ނަގައި ޓެސްޓުކުރުން؛

(5) އިންސްޕެކްޓްކުރެވޭ ތަނުގައި، ގެންގުޅޭ އެއްޗެހީގެ އަދަދު، ބެލުމާއި މިންކުރުމާއި، ފާހަގަލުމާއި، ޓެގުކުރުމާއި، ފޮޓޯ ނެގުން.

(ށ) މި ގާނޫނުގެ ދަށުން އިންސްޕެކްޓަރުންނަށް ލިބިފައިވާ ބާރުގެ ދަށުން ތަންތަނަށް ވަދެނިކުތުމުގައާއި، އިންސްޕެކްޓްކުރުމުގައި، އިންސްޕެކްޓަރުންނަށް ބޭނުންވާ އެހީތެރިކަމާއި، އެއްބާރުލުން، ތަން ހިންގާ ފަރާތުންނާއި، ތަނުގެ އެންމެހައި މުވައްޒަފުން ފޯރުކޮށްދޭންވާނެއެވެ.

 

74 ވަނަ މާއްދާ - ކޮމްޕްލަޔަންސް ނޯޓިސް ދިނުމާއި ފިޔަވަޅު އެޅުން

(ހ) މި ގާނޫނުގެ 72 ވަނަ މާއްދާގެ ދަށުން ހިންގާ އިންސްޕެކްށަނެއްގައި އެ އިންސްޕެކްޓްކުރެވޭ ތަން ހިންގާ ފަރާތުން ގާނޫނާ ހިލާފުވެފައިވާނަމަ، ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން އެފަރާތަކާމެދު، އަންނަނިވި ގޮތުގެމަތިން އަމަލުކުރެވިދާނެއެވެ.

(1) ގާނޫނާ ހިލާފަށް ކޮށްފައިވާ ކަންކަން އިސްލާހުކުރަން އެންގުން؛

(2) ގާނޫނާ ހިލާފަށް ގެންގުޅޭ ޖަނަވާރު ނުވަތަ ޖަނަވާރުގެ ބައިތައް ހިފެހެއްޓުން؛

(3) ގާނޫނާ ހިލާފަށް އެތެރެކޮށްފައިވާ ޖަނަވާރު ދިވެހިރާއްޖެއިން އަނބުރާ ފޮނުވައިލުމަށް ނުވަތަ ގެންދިޔުމަށް އެންގުން؛

(4) ބަލިވެފައިވާ ޖަނަވާރަށް ފަރުވާދިނުމަށް އެންގުން.

(5) ފަރުވާދީގެން ރަނގަޅުނުވާ ދަރަޖައަށް ބަލިވެފައިވާ ޖަނަވާރާއި، ޖަނަވާރުގެ ބައިތައް އަދި މަރުވެފައިވާ ޖަނަވާރު ނައްތާލުމަށް އެންގުން.

(6) މި ގާނޫނުގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފު ޖަނަވާރުގެ ބައިތައް ނައްތާލުމަށް އެންގުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅެއް އަޅަންވާނީ ޖަނަވާރު ގެންގުޅޭ ފަރާތަށް ނުވަތަ ޖަނަވާރު ގެންގުޅޭ ތަނުގެ ވެރިފަރާތަށް ނުވަތަ އެތަނަކާ ހަވާލުވެހުރި ފަރާތަށް ލިޔުމުން ދެވޭ ނޯޓިހަކުންނެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ދެވޭ ނޯޓިހުގައި، ނޯޓިސް ރައްދުވާ ފަރާތުން އެ ފިޔަވަޅު ނުވަތަ ފިޔަވަޅުތައް ތަންފީޒުކުރުމުގައި އަމަލުކުރަންޖެހޭ ގޮތް އަދި ތަންފީޒުކޮށް ނިންމަންޖެހޭ މުއްދަތު ބަޔާންކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ނޯޓިހުގެ މުއްދަތުގެ ތެރޭގައި އެ ނޯޓިހުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަމަލުކޮށްފައިނުވާނަމަ، އެފަރާތާމެދު އަންނަނިވި ގޮތުގެމަތިން އަމަލުކުރެވިދާނެއެވެ.

(1) މި ގާނޫނުގެ ދަށުން އެފަރާތަކަށް ނުވަތަ ތަނަކަށް ދޫކޮށްފައިވާ ރަޖިސްޓަރީ އަދި/ނުވަތަ ހުއްދަ ހިފެހެއްޓުން.

(2) މި ގާނޫނުގެ ދަށުން އެފަރާތެއް ޖޫރިމަނާކުރުން.

(ބ) މި މާއްދާގެ (ށ) ގެ ދަށުން ދޭ ނޯޓިހުގައި ބަޔާންކުރާ ފިޔަވަޅު ތަންފީޒުކުރުމަށް ހިނގާ އެންމެހައި ހަރަދުތަކަށް ޒިންމާވާނީ އެ ނޯޓިސް ރައްދުވާ ފަރާތަކުންނެވެ.

 

 

ދިހަވަނަ ބާބު

މަނާ ކަންކަން އަދި ފިޔަވަޅުތައް

 

75 ވަނަ މާއްދާ - ޖަނަވާރުގެ ދަރިއާއިން ބައްޔެއް ފެތުރޭފަދަ އަމަލުތައް ކުރުން

(ހ) ޖަނަވާރުގެ މެދުގައި ފެތުރޭ ރިޕޯޓުކުރަންޖެހޭ އެއްވެސް ބައްޔެއް ނުވަތަ އެ ބަލިޖައްސާ އަސްލު ގަސްދުގައި ދިވެހިރާއްޖެއަށް ތައާރުފުކުރުން ނުވަތަ ފެތުރުން ނުވަތަ ގަސްދުގައި، އެއިން ކަމަކަށް ފުރުސަތު ދިނުމަކީ، މަނާކަމެކެވެ.

(ށ) ރިޕޯޓުކުރަންޖެހޭ ބައްޔެއް ޖެހިފައިވާ އެއްވެސް ޖަނަވާރެއް، ނުވަތަ ޖަނަވާރުގެ ބައެއް ވިއްކުމާއި، ވިއްކަން ބެހެއްޓުމާއި، މި ގާނޫނާ ހިލާފަށް އެއް ތަނުން އަނެއް ތަނަށް ގެންދިޔުމާއި، ފޯރުކޮށްދިނުމަކީ މަނާކަމެކެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަމަލެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ، އެ އަމަލުގެ ކުޑަބޮޑުމިނަށް ބަލައި، 10,000 (ދިހަހާސް) ރުފިޔާއާއި 1,000,000 (އެއްމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން އެފަރާތެއް ޖޫރިމަނާކުރެވޭނެއެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އަމަލެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ، އެ އަމަލުގެ ކުޑަބޮޑުމިނަށް ބަލައި، 10,000 (ދިހަހާސް) ރުފިޔާއާއި 200,000 (ދެލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން އެފަރާތެއް ޖޫރިމަނާކުރެވޭނެއެވެ.

 

76 ވަނަ މާއްދާ - ގާނޫނާ ހިލާފަށް ޖަނަވާރު އިމްޕޯޓްކުރުމާއި އެކްސްޕޯޓްކުރުން

(ހ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ ހިލާފަށް، ޖަނަވާރާއި ޖަނަވާރުގެ ބައިތައް ދިވެހިރާއްޖެއަށް އިމްޕޯޓްކުރުމާއި ދިވެހިރާއްޖެއިން އެކްސްޕޯޓްކުރުމަކީ މަނާކަމެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަމަލެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ، އެ އަމަލުގެ ކުޑަބޮޑުމިނަށް ބަލައި، 5,000 (ފަސްހާސް) ރުފިޔާއާއި 500,000 (ފަސްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން އެފަރާތެއް ޖޫރިމަނާކުރެވޭނެއެވެ.

 

77 ވަނަ މާއްދާ - ގާނޫނާ ހިލާފަށް ޖަނަވާރު ވިއްސައި އާލާކުރުން

(ހ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ ހިލާފަށް، ޖަނަވާރު ވިއްސައި އާލާކުރުމަކީ މަނާކަމެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަމަލެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ، އެ އަމަލުގެ ކުޑަބޮޑުމިނަށް ބަލައި، 10,000 (ދިހަހާސް) ރުފިޔާއާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން، އެފަރާތެއް ޖޫރިމަނާކުރެވޭނެއެވެ.

 

78 ވަނަ މާއްދާ - ރަޖިސްޓަރީނުކޮށް ޖަނަވާރު ގެންގުޅޭ ތަންތަން ހިންގުން

(ހ) ޖަނަވާރު ގެންގުޅުމަށް މި ގާނޫނުގެ ދަށުން ރަޖިސްޓަރީކުރުން ލާޒިމު ތަނެއް، މި ގާނޫނުގެ ދަށުން، ރަޖިސްޓަރީކުރުމަކާ ނުލައި، ހިންގުމަކީ ނުވަތަ އެފަދަ ތަނެއްގައި، ޖަނަވާރު ގެންގުޅުމަކީ މަނާކަމެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަމަލެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ، އެ އަމަލުގެ ކުޑަބޮޑުމިނަށް ބަލައި، 10,000 (ދިހަހާސް) ރުފިޔާއާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން، އެފަރާތެއް ޖޫރިމަނާކުރެވޭނެއެވެ.

 

79 ވަނަ މާއްދާ - ޖަނަވާރު ގެންގުޅުމުގައި ލާޒިމް މިންގަނޑުތަކާ ހިލާފު އަމަލުތައް ހިންގުން

(ހ) ޖަނަވާރު ގެންގުޅުމަށް މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ތަނެއްގައި ޖަނަވާރު ގެންގުޅުމުގައި ހިފަހައްޓަންޖެހޭ ކަމަށް މި ގާނޫނުގައި ކަނޑައަޅާފައިވާ ލާޒިމު މިންގަނޑެއް ނުވަތަ ށަރުތެއް ފުރިހަމަނުވާގޮތަށް ޖަނަވާރު ގެންގުޅުމަކީ މަނާކަމެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަމަލެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ، އެ އަމަލުގެ ކުޑަބޮޑުމިނަށް ބަލައި، 10,000 (ދިހަހާސް) ރުފިޔާއާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން، އެފަރާތެއް ޖޫރިމަނާކުރެވޭނެއެވެ.

 

80 ވަނަ މާއްދާ - ޖަނަވާރަށް އަނިޔާއެއް ދިނުމާއި އާންމު ތަންތަނަށް ދޫކޮށްލުން

(ހ) ޖަނަވާރަށް ލާއިންސާނީ އަނިޔާއެއް ދިނުމަކީ މަނާކަމެކެވެ.

(ށ) އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު އާންމު ތަންތަނަށް، ވީއްލިގެން އުޅުމަށް ދޫކޮށްލުމަކީ، މަނާކަމެކެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަމަލެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ، އެ އަމަލުގެ ކުޑަބޮޑުމިނަށް ބަލައި، 5,000 (ފަސްހާސް) ރުފިޔާއާއި 50,000 (ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން، އެފަރާތެއް ޖޫރިމަނާކުރެވޭނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަމަލެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ، އެ އަމަލުގެ ކުޑަބޮޑުމިނަށް ބަލައި 5,000 (ފަސްހާސް) ރުފިޔާއާއި 10,000 (ދިހަހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން އެފަރާތެއް ޖޫރިމަނާކުރެވޭނެއެވެ.

 

81 ވަނަ މާއްދާ - އަދަބު ކަނޑައެޅިފައިނުވާ ކަންކަން

(ހ) މި ގާނޫނުގައި ކޮށްގެންނުވާނެ ކަމަށް ބަޔާންކުރާ އެހެންނަމަވެސް ވަކި އަދަބެއް ކަނޑައެޅިފައިނުވާ ކަންކަމަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ޖޫރިމަނާކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ޖޫރިމަނާގެ ގޮތުގައި ކަނޑައެޅޭނީ 5,000 (ފަސްހާސް) ރުފިޔާއާއި 10,000 (ދިހަހާސް) ރުފިޔާއާ ދެމެދުގެ އަދަދެކެވެ.

(ނ) މި މާއްދާގެ ދަށުން ޖޫރިމަނާ ކަނޑައަޅަންވާނީ، ކަމުގެ ކުޑަބޮޑުމިނަށް ރިއާޔަތްކޮށެވެ.

 

82 ވަނަ މާއްދާ - ޖިނާއީ ތަހްގީގުކުރުން

މި ގާނޫނާއި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ ހިލާފަށް އެއްވެސް ފަރާތަކުން ކުރާ އަމަލެއްގައި ޖިނާއީ ކުށެއް އެކުލެވިގެންވާނަމަ، އެކަން ޖިނާއީ މައްސަލަތައް ތަހްގީގުކުރުމުގެ ބާރު ލިބިފައިވާ ކަމާބެހޭ އިދާރާތަކަށް ހުށަހަޅަންވާނެއެވެ.

 

 

އެގާރަވަނަ ބާބު

އެހެނިހެން ކަންކަން

 

83 ވަނަ މާޢްދާ - ދަފްތަރު ބެލެހެއްޓުން

މި ގާނޫނުގެ ދަށުން، މިނިސްޓްރީން ދޫކުރާ ހުއްދަތަކާއި ލައިސަންސްއާ ގުޅޭ އެންމެހައި މައުލޫމާތު ހިމެނޭ ދަފްތަރެއް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން އެކުލަވާލައި މިނިސްޓްރީން ބަލަހައްޓަންވާނެއެވެ.

 

84 ވަނަ މާއްދާ - ގާނޫނީ ހިމާޔަތް

(ހ) މި ގާނޫނާއި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓްރީގެ މުވައްޒަފުން ހެޔޮ ނިޔަތުގައި އެމީހުންގެ ވާޖިބުތައް އަދާކުރުމުގެ ގޮތުން ކުރާ ކަމަކާމެދު ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކާމެދު އެމީހުންގެ މައްޗަށް ދައުވާއެއް ނުކުރެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، މިނިސްޓްރީގެ މުވައްޒަފަކު ނުވަތަ މިނިސްޓްރީގެ އިރުށާދު ލިބިގެން މަސައްކަތްކުރާ މުވައްޒަފެއް ގަސްދުގައި ކުރާ ކަމަކުން ނުވަތަ އިހުމާލުވުމުގެ ސަބަބުން ލިބޭ ގެއްލުމަކަށް ކަމާބެހޭ ގޮތުން ކަނޑައަޅާފައިވާ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން އެ މުވައްޒަފަކު ޒިންމާ އުފުލަންޖެހޭނެއެވެ.

(ނ) މި ގާނޫނު ތަންފީޒުކުރުމުގެ ގޮތުން މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައެޅިފައިވާ އިޖުރާއަތުތަކާ އެއްގޮތަށް އަމަލުކުރުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ގާނޫނީ ޒިންމާ މިނިސްޓްރީން އުފުލާކަށް ނުޖެހޭނެއެވެ.

 

85 ވަނަ މާއްދާ - ށަކުވާ ހުށަހެޅުން

(ހ) މި ގާނޫނުގެ ދަށުން މިނިސްޓްރީން ނިންމާ ނިންމުމަކާމެދު ނުވަތަ އަޅާ ފިޔަވަޅަކާމެދު ހިތްހަމަނުޖެހޭ ފަރާތަކުން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން އެ ނިންމުމެއް ނުވަތަ ފިޔަވަޅެއް މުރާޖައާކުރުމަށްޓަކައި މިނިސްޓްރީއަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓްރީއަށް ށަކުވާ ހުށަހަޅައި އެ ށަކުވާ ބަލައި ފިޔަވަޅު އެޅުމާބެހޭ ނިޒާމެއް މިނިސްޓްރީން އެކުލަވާލައި އެ ނިޒާމު ހިންގުމުގެ އުސޫލުތަކާއި އިޖުރާއަތު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

86 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން

(ހ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ މިނިސްޓްރީންނެވެ.

(ށ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތަކާއި މިންގަނޑުތައް މި ގާނޫނަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ހަދައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

87 ވަނަ މާއްދާ - އުވާލެވޭ ގާނޫނުގެ މާއްދާތަކާއި ގަވާއިދުތައް

(ހ) މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަސް ހަމަވުމާއެކު، ގާނޫނު ނަންބަރު 4/75 (ދިވެހިރާއްޖެއަށް ގެނައުން މަނާތަކެތީގެ ގާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރު އުވުނީއެވެ.

(ށ) މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަސް ހަމަވުމާއެކު، ގާނޫނު ނަންބަރު 6/2008 (އާންމު ގަވާއިދުތަކާބެހޭ ގާނޫނު) ގެ ދަށުން އެކުލަވާލާފައިވާ އަންނަނިވި ގަވާއިދުތައް އުވުނީއެވެ.

(1) ދިރޭ ޖަނަވާރު އެތެރެކުރުމުގެ ގަވާއިދު

(2) ދިވެހިރާއްޖެއަށް ދޫނި އެތެރެކުރުމާބެހޭ ގަވާއިދު

 

88 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެން 90 (ނުވަދިހަ) ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

 

89 ވަނަ މާއްދާ - މާނަކުރުން

މި ގާނޫނުގައި، އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައި އެ އެވާ މާނަކުރުމެވެ.

(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ޖަނަވާރުގެ ސިއްހަތާގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ށ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ޖަނަވާރުގެ ސިއްހަތާގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.

(ނ) "ޖަނަވާރުގެ ދުޅަހެޔޮކަން" ކަމަށް ބުނެފައި އެވަނީ، ޖަނަވާރުގެ ޖިސްމާނީ އަދި ނަފްސާނީ ހާލަތަށެވެ.

(ރ) "ޕޯޓް ކަރަންޓީން ފެސިލިޓީ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖެއަށް އިމްޕޯޓްކުރާ ޖަނަވާރު، ބަލައި ފާސްކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި، ވަގުތީގޮތުން ޖަނަވާރު ގެންގުޅެ ބެލެހެއްޓުމަށްޓަކައި މި ގާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ގާއިމުކުރާ ފެސިލިޓީތަކަށެވެ.

(ބ) "ވަރލްޑް އޯގަނައިޒޭށަން ފޯ އެނިމަލް ހެލްތް" ކަމަށް ބުނެފައި އެވަނީ، ބައިނަލްއަގްވާމީ ފެންވަރުގައި ޖަނަވާރުގެ ސިއްހަތު ކުރިއެރުވުމަށް މަސައްކަތްކުރުމަށްޓަކައި 25 ޖަނަވަރީ 1924 ގައި "އޯއައިއީ" ގެ ނަމުގައި އުފައްދައި، މޭ 2003 އިން ފެށިގެން ވަރލްޑް އޯގަނައިޒޭށަން ފޯ އެނިމަލް ހެލްތްގެ ނަމަށް ބަދަލުވެފައިވާ ބައިނަލްއަގްވާމީ ޖަމްއިއްޔާއަށެވެ.

(ޅ) "ވެކްސިން" ކަމަށް ބުނެފައި އެވަނީ، ވަކި ބައްޔަކުން ނުވަތަ ބަލިތަކަކުން ޖަނަވާރު ރައްކާތެރިކުރުމުގެ މަގްސަދުގައި އެ ބަލިޖައްސާ އަސްލާ ދެކޮޅަށް ހަށިގަނޑުގެ ދިފާއީ ނިޒާމު އިޖާބަދޭ ގޮތަށް ހެދުމަށްޓަކައި، ޖަނަވާރުގެ ހަށިގަނޑުގެ ތެރެއަށް ފޮނުވައިލުމަށް އެ ބަލިޖައްސާ އަސްލު ހިމަނައިގެން ތައްޔާރުކޮށްފައިވާ ބޭހަށެވެ.

(ކ) "ޖަނަވާރުގެ ޒަރީއާއިން ޖެހޭ ބަލި" ކަމަށް ބުނެފައި އެވަނީ، ބަލިޖައްސާ އަސްލުތައް ކަމުގައިވާ ބެކްޓީރިއާ ނުވަތަ ވައިރަސް ނުވަތަ ޕެރަސައިޓް މެދުވެރިވެގެން ޖަނަވާރުގެ ގައިން އިންސާނުންގެ ގަޔަށް އަރާ ނުވަތަ ޖަނަވާރުންނަށްވެސް ޖެހޭ ބަލީގެ ވައްތަރުތަކަށެވެ.

(އ) "ކަރަންޓީނުކުރުން" ކަމަށް ބުނެފައި އެވަނީ، ގައިންގަޔަށް އަރާފަދަ ބައްޔެއް ޖެހިފައިވާ ޖަނަވާރުގެ ކިބައިން ނުވަތަ އެ ޖަނަވާރާ އެކުގައި އުޅޭ ޖަނަވާރުގެ ކިބައިން ނުވަތަ އެ ޖަނަވާރުގެ ކިބައިން އެ ބަލި އަރާފާނެކަމަށް ގަބޫލުކުރެވޭ ހާލަތުގައި ހުރި ޖަނަވާރުގެ ކިބައިން އެހެން ޖަނަވާރެއްގެ ގަޔަށް އެ ބަލި ވާސިލުވުމުގެ މަގު ބަންދުކުރުމަށްޓަކައި، އެ ބަލި ފެތުރޭނެ ކަމަށް ސިއްހީގޮތުން ބެލެވޭ (ނުވަތަ އެ ބަލީގެ ނިށާން އެއް ޖަނަވާރުގެ ގައިން އަނެއް ޖަނަވާރުގެ ގަޔަށް ވާސިލުވާނެކަމަށް ސިއްހީގޮތުން ބެލެވޭ) މުއްދަތަށް އެ ޖަނަވާރުގެ ހަރަކާތްތައް ވަކި ގޮތަކަށް ހިފެހެއްޓުމަށާއި ވަކި އުސޫލުތަކެއްގެ މަތިން އެ ޖަނަވާރު މުޖުތަމައުގައި އުޅޭ އެހެން ޖަނަވާރާއި ތަންތަނާ އެކަހެރިކުރުމަށެވެ.

(ވ) "އެކުއޭރިއަމްގައި ގެންގުޅޭ ޖަނަވާރު" ކަމަށް ބުނެފައި އެވަނީ، އެކުއޭރިއަމްގައި ނުވަތަ މީރު ފެނުގައި ދިރިއުޅޭ މަސްމަހާމެއްސާއި، މޮލަސްކް އަދި ކްރަސްޓޭށިއަން އާއިލާއަށް ނިސްބަތްވާ ސޫފާސޫތްޕަށެވެ.

(މ) "ޓްރާންސިޓްކުރުން" ކަމަށް ބުނެފައި އެވަނީ، އިމްޕޯޓްކޮށް ނުވަތަ އެކްސްޕޯޓްކުރާ ގައުމަށް ގެންދިޔުމުގެ މަގުމަތީގައި ސެނިޓަރީގޮތުން ބަލައި ފާސްކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާ އެހެން ގައުމެއްގެ ބަނދަރުގައި ނުވަތަ އެއްގަމު މަގުގައި ބަލައި ފާސްކުރުމަށް ކަނޑައެޅިފައިވާ ތަނުގައި މަޑުކުރުމަށެވެ.

(ފ) "އިންޓަރނޭށަނަލް ވެޓެރިނަރީ ސެޓްފިކެޓް" ކަމަށް ބުނެފައި އެވަނީ، ޖަނަވާރުގެ ސިއްހަތު ނުވަތަ އާންމު ސިއްހަތުގެ މިންގަނޑުތައް ފުރިހަމަވެފައިވާކަން ބަޔާންކޮށް، ވަރލްޑް އޯގަނައިޒޭށަން ފޯރ އެނިމަލް ހެލްތްގެ ކަމާގުޅޭ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން މި ގާނޫނުގެ ދަށުން މިނިސްޓްރީން ދޫކުރާ ސެޓްފިކެޓަށެވެ.

(ދ) "ޖަނަވާރުގެ ބައިތައް" ކަމަށް ބުނެފައި އެވަނީ، ވިއްސައި އާލާކުރުމަށް ބޭނުންކުރާ ޖަނަވާރުގެ ބައިތަކާއި، ޖަނަވާރުގެ އަސްލުން އުފައްދާފައިވާ އިންސާނުން ކެއުމަށް ބޭނުންނުކުރެވޭ ބައިތަކަށެވެ.

(ތ) "ވިއްސައި އާލާކުރުމަށް ބޭނުންކުރާ ޖަނަވާރުގެ ބައިތައް" ކަމަށް ބުނެފައި އެވަނީ، ޖަނަވާރުގެ ބިހާއި މަނިފަންޏާއި ދަރިބިހާއި

(ލ) "ޖަނަވާރުގެ ކާނާ" ކަމަށް ބުނެފައި އެވަނީ، ޖަނަވާރު ކެއުމަށްޓަކައި ގަސްގަހާގެހީގެ ނުވަތަ ޖަނަވާރުގެ އަސްލުން، އޭގެ ގުދުރަތީ ހާލަތުގައި ހިއްކައިގެން ނުވަތަ ތާޒާކޮށް، ނުވަތަ ހަލާކުނުވާގޮތަށް ތައްޔާރުކޮށްފައިވާ ތަކެއްޗަށާއި ސިނާއީ ގޮތުން އުފެއްދުމުގެ ތެރެއިން ގުދުރަތީ މާއްދާތައް ބޭނުންކޮށްގެން އެއް ބާވަތެއް ނުވަތަ އެތައް ބާވަތެއް އެއްކޮށްގެން އިތުރު އެއްޗެއް ނާޅާ ނުވަތަ ކާނާގެ މުއްސަނދިކަން އިތުރުކޮށްގެން އުފައްދާ އުފެއްދުންތަކަށެވެ. މީގެ ތެރޭގައި ފަތްޕިލާވެއްޔާއި، ގޮވާމާއި، މަސްކުނޑި ފަދަ ގުދުރަތީ ކާނާގެ މާއްދާތަކާއި ފައިދާގެ ގޮތުން މުއްސަނދިކޮށްފައިވާ ތައްޔާރީ ކާނާގެ ބާވަތްތައް ހިމެނެއެވެ.

(ގ) "ޖަނަވާރުގެ ބޭސް" ކަމަށް ބުނެފައި އެވަނީ، ވަކި މިންވަރަކަށް އަދި ވަކި ގޮތަކަށް ޖަނަވާރަށް ދީގެން ބަލިޖައްސާ އަސްލުތައް ނައްތާލައިގެން ނުވަތަ ބަލި އިތުރަށް ބޮޑުވުން ކުޑަކޮށްގެން ނުވަތަ ބަލިން ދިފާއުކޮށްދީގެން، ނުވަތަ ޖަނަވާރުގެ ހެދިބޮޑުވުމަށާއި އުފެއްދުންތެރިކަމަށް ބާރުއަޅައިދީގެން ރަނގަޅު ނަތީޖާއެއް ނެރެދޭ މާއްދާތަކަށެވެ. މީގެ ތެރޭގައި ފަރުވާދިނުމަށް ގެންގުޅޭ ބޭހާއި، ބަލިން ރައްކާތެރިކުރުމަށް ގެންގުޅޭ ވެކްސިން ފަދަ ބޭސްތަކާއި ހޯމޯނާއި ބަލިދެނެގަތުމަށް ބޭނުންކުރާ މާއްދާތަކާއި، އެންޓިބަޔޮޓިކްސްއާއި، އަދި ފަނިފަކުސަ ނުވަތަ އުކުނު ނުވަތަ ސެއްޅި ނުވަތަ މަކުނު މެރުމަށް ގެންގުޅޭ ޕެސްޓިސައިޑް ހިމެނެއެވެ.

(ޏ) "އޮޅުކޮށްގެން ޖަނަވާރު ގެންގުޅުން" ކަމަށް ބުނެފައި އެވަނީ، އިންސާނުންނާއެކު އެމީހުން ދިރިއުޅޭ ތަނުގައި، އެއަށް އަޅައިލުމާއި، ލޯބިދީގެން ވިޔަފާރިނޫން ބޭނުމަށް އޮޅު ޖަނަވާރު ގެންގުޅުމަށެވެ.

(ސ) "ހޯޖާކުރުން" ކަމަށް ބުނެފައި އެވަނީ، ޖަނަވާރުގެ އުރަވަޅިން އޮށް ކަނޑައިލައިގެން ނެގުމަށް ނުވަތަ އޮށަށް ލޭ ދައުރުކުރާ ނާރު އެކަމަށް ހާއްސަ އާލާތެއް ބޭނުންކޮށްގެން ފިއްތާލުމަށް ނުވަތަ އެ ނާރު ފިއްތާލުމަށް އުރަވަޅީގެ ބޮޑުގައި ރަބަރު ޕެކިނެއް އެޅުވުމަށް، ނުވަތަ ނާރުގަ ގޮށްޖެހުމަށެވެ.

(ޑ) "ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން ގާއިމުކުރާ ރަށު ކައުންސިލް ނުވަތަ ސިޓީ ކައުންސިލްތަކަށެވެ.

(ޒ) "އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2012-07 (އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު) އާއި، އެ ގާނޫނަށް ގެނެވޭ އެންމެހައި އިސްލާހުތައް ހިމެނޭގޮތުންނެވެ.

(ޓ) "ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2022-13 (ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ގާނޫނު) އާއި އެ ގާނޫނަށް ގެނެވޭ އެންމެހައި އިސްލާހުތައް ހިމެނޭގޮތުންނެވެ.

(ޔ) "މަސްތުވާތަކެއްޗާބެހޭ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2011-17 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) އާއި އެ ގާނޫނަށް ގެނެވޭ އެންމެހައި އިސްލާހުތައް ހިމެނޭގޮތުންނެވެ.

(ޕ) "ޖިނާއީ އިޖުރާއަތުގެ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) އާއި އެ ގާނޫނަށް ގެނެވޭ އެންމެހައި އިސްލާހުތައް ހިމެނޭގޮތުންނެވެ.

(ޖ) "މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2024-06 (ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނު) ގެ 8 ވަނަ މާއްދާގެ ދަށުން ގާއިމުކޮށްފައިވާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށެވެ.

(ޗ) "ޖަނަވާރު ވިއްކާ ތަންތަން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި، ވިޔަފާރީގެ ހަރަކާތެއްގެ ގޮތުގައި ޖަނަވާރު ނުވަތަ ޖަނަވާރުގެ ބައެއް ވިއްކުމަށްޓަކައި، އެނޫންވެސް، އެފަދަ ފައިދާކުރަނިވި މުއާމަލާތްކޮށް އެއިން، މަންފާ ލިބިގަތުމަށްޓަކައި، ޖަނަވާރު ގެންގުޅޭ ތަންތަނަށެވެ. އެ މާނައިގެ ތެރޭގައި އަމިއްލަ ފަރުދުން ނުވަތަ ގޭބިސީތަކުން ގެންގުޅޭ ޖަނަވާރާއި، މި ގާނޫނުގެ ދަށުން ނުވަތަ އެހެން ގާނޫނެއްގެ ދަށުން ހުއްދަކޮށްފައިވާ އެހެން ބޭނުމަކަށް ގެންގުޅޭ ޖަނަވާރެއް ނުހިމެނެއެވެ.

(ހހ) "ޖަނަވާރު ވިއްސައި އާލާކުރާ ތަންތަން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ޖަނަވާރު ވިއްސައި އާލާކުރުމަށް މި ގާނޫނުގެ ދަށުން ރަޖިސްޓަރީކުރާ ތަންތަނަށެވެ.

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު