-

މި ގާނޫނުއަސާސީ ވަނީ 2008 ގެ ގާނޫނުއަސާސީއިން އުވާލެވިފައި 

ގާނޫނު އަސާސީ - 1998

އެއްވަނަ ބާބު

ދައުލަތާއި، އަމިއްލަ ވެރިކަމާއި، ރައްޔިތުން

 

1 ވަނަ މާއްދާ - ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ

ދިވެހިރާއްޖެއަކީ، ފުރިހަމަ މިނިވަންކަން ލިބިގެންވާ، އިސްލާމީ އުސޫލުތަކުގެ މައްޗަށް ބިނާކުރެވިފައިވާ، އަމިއްލަ ވެރިކަންކުރާ، ދީމުގްރާތީ، ޖުމްހޫރީ، އަދި ޔުނިޓަރީ ދައުލަތެކެވެ. މި ދައުލަތުގެ ނަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއެވެ. މީގެފަހުން މި ގާނޫނުއަސާސީގައި "ދިވެހިރާއްޖެ" މިނަމުން އިށާރާތް ކުރެވެނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއަށެވެ. 

 

2 ވަނަ މާއްދާ - ދިވެހިރާއްޖޭގެ ސަރަހައްދު

ދިވެހިރާއްޖޭގެ ސަރަހައްދަކީ، ގާނޫނުގައިވާ ގޮތުގެ މަތިން ދަމާލެވޭ، ރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންތަކުގެ ތެރޭގައިވާ ބިމާއި، ޖައްވާއި، ކަނޑާއި، ކަނޑުގެ އަޑީގައިވާ ބިމާއި، މިބުނެވިދިޔަ ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ ރާއްޖޭގެ ސަރަހައްދީ ކަނޑާއި، އެކަނޑުގެ އަޑީގައިވާ ބިމާއި، އެކަނޑާ ގުޅިފައިވާ ޖައްވެވެ.  

3 ވަނަ މާއްދާދިވެހި ދައުލަތް

ދިވެހި ދައުލަތަކީ، ދިވެހިރާއްޖޭގައި، މި ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެމަތިން އުފެދިފައިވާ، ދައުލަތް ހިންގުމުގެ އެންމެހާ ބާރުތަކާއި، ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންނާއި، ދިވެހިރާއްޖޭގެ ސަރަހައްދާއި، މިހުރިހާ ފަރާތެއް ޖުމްލަކޮށެވެ.

 

4 ވަނަ މާއްދާދައުލަތް ހިންގުމުގެ ބާރު

  1. ދިވެހި ދައުލަތް ހިންގުމުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ، ރައްޔިތުންގެ ކިބައިންނެވެ. ދައުލަތް ހިންގުމަށްޓަކައި އެބާރުތައް އެކުލެވިގެންވާނީ، ތިރީގައިވާ ގޮތުގެ މަތިންނެވެ.

    (ހ) ވެރިކަން ހިންގުމުގެ ބާރު.

    (ށ) ގާނޫނު ހެދުމުގެ ބާރު.

    (ނ) އަދްލު އިންސާފު ގާއިމުކުރުމުގެ ބާރު.
  2. މި ގާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުގެމަތިން ވެރިކަން ހިންގުމުގެ ބާރު ލިބިގެންވަނީ، ރައީސުލްޖުމްހޫރިއްޔާއަށާއި، ވަޒީރުންގެ މަޖިލީހަށެވެ. އަދި ގާނޫނު ހެދުމުގެ ބާރު ލިބިގެންވަނީ، ރައްޔިތުންގެ މަޖިލީހަށާއި، ރައްޔިތުންގެ ހާއްސަ މަޖިލީހަށެވެ. އަދި އަދްލު އިންސާފު ގާއިމު ކުރުމުގެ ބާރު ލިބިގެންވަނީ، ރައީސުލްޖުމްހޫރިއްޔާ އަށާއި، ދިވެހިރާއްޖޭގެ ށަރްއީ ކޯޓުތަކަށެވެ. 

 

5 ވަނަ މާއްދާ - ދިވެހިރައްޔިތް

ތިރީގައިމިވާ މީހުންނީ، ދިވެހިރައްޔިތުންނެވެ.

(ހ) މި ގާނޫނުއަސާސީ ހިންގަން ފަށާއިރު ދިވެހި ރައްޔިތެއް ކަމުގައިވާ ކޮންމެ މީހެއް.

(ށ) ދިވެހިރައްޔިތަކަށް އުފަން ކޮންމެ ދަރިއެއް.

(ނ) ގާނޫނުގައިވާ ގޮތުގެމަތިން ދިވެހިރައްޔިތަކަށް ވެއްޖެ ކޮންމެ ބިދޭސީއެއް.

 

6 ވަނަ މާއްދާ - ދިވެހިސަރުކާރު

ދިވެހިސަރުކާރަކީ، މި ގާނޫނުއަސާސީގައި ބަޔާން ވެގެންވާ ގޮތުގެމަތިން  ދިވެހިރާއްޖޭގައި ދައުލަތް ހިންގުމުގެ ބާރުތައް ހިންގާ ފަރާތްތަކެވެ. 

 

7 ވަނަ މާއްދާ -  ދައުލަތުގެ ދީން

ދިވެހިދައުލަތުގެ ދީނަކީ، އިސްލާމްދީނެވެ. 

 

8 ވަނަ މާއްދާ - ގައުމީ ބަސް

ދިވެހިރާއްޖޭގެ ގައުމީ ބަހަކީ، ދިވެހިބަހެވެ.

 

9 ވަނަ މާއްދާ - ގައުމީ ދުވަސް

ދިވެހިރާއްޖޭގެ ގައުމީ ދުވަހަކީ، ރަބީއުލްއައްވަަލުމަހުގެ އެއްވަނަ ދުވަހެވެ.

  

10 ވަނަ މާއްދާ -  ވެރިރަށް

ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށަކީ، މާލެއެވެ.

 

11 ވަނަ މާއްދާ - ދިވެހިރާއްޖޭގެ ފާއިސާ

ދިވެހިރާއްޖޭގެ ފައިސާގެ ޔުނިޓަކީ، ރުފިޔާއެވެ. މި ރުފިޔާ އެކުލެވިގެންވަނީ ސަތޭކަ ލާރީގެ މައްޗަށެވެ.

 

12 ވަނަ މާއްދާއެންމެބޮޑު ހިޔާނާތް

  1. ބާރުގެ ބޭނުންކޮށްގެން، ނުވަތަ ބާރުގެ ބިރު ދައްކައިގެން، ނުވަތަ ގާނޫނުއަސާސީއާ ހިލާފަށް ގާނޫނުއަސާސީ އުވާލައިފި މީހާއާއި، އުވާލުމަށް މަސައްކަތް ކޮށްފި މީހާއާއި، ގާނޫނުއަސާސީގެ ބާރު ކަނޑުވާލަން މަސައްކަތްކޮށްފި މީހާއާއި، މިއިންކަމެއް ރާވައިފިމީހާ، އެންމެބޮޑު ހިޔާނާތުގެ ކުށުން ކުށްވެރިވާނެއެވެ.
  2. މިމާއްދާގެ (1) ގައި ބުނެފައިވާފަދަ ކަމެއްގައި ބައިވެރިވެއްޖެ މީހާއާއި، އެހީވެދީފި މީހާއާއި، އެއިންކަމެއް އެނގިހުރެ ނާންގާ ހުރި މީހާވެސް އެންމެބޮޑު ހިޔާނާތުގެ ކުށުން ކުށްވެރިވާނެއެވެ.

 

ދެވަނަ ބާބު

ރައްޔިތުންގެ އަސާސީ ހައްގުތަކާއި ވާޖިބުތައް

13 ވަނަ މާއްދާ - ރައްޔިތުން ގާނޫނުގެ ކުރިމަތީގައި ހަމަހަމަވުން

ދިވެހިރައްޔިތުންނަކީ، އެމީހުންގެ މައްޗަށް ގާނޫނު ހިންގުމުގައްޔާއި، ގާނޫނު ރައްކާތެރިކަން ލިބިމުގައި ހަމަހަމަ ވެގެންވާ ބައެކެވެ.

 

14 ވަނަ މާއްދާ - ރައްޔިތެއްކަމުގެ ހައްގު ނިގުޅައިގަތުމާއި އެހައްގު ދޫކޮށްލެވޭގޮތް

  1. ގާާނޫނުގައި ކަނޑައެޅިފައިވާ ގޮތެއްގެމަތިން މެނުވީ، އެއްވެސް ދިވެހި ރައްޔިތެއްގެ ކިބައިން ދިވެހި ރައްޔިތެއްކަމުގެ ހައްގު ނިގުޅައެއް ނުގަނެވޭނެއެވެ.
  2. ދިވެހިރައްޔިތެއްކަމުގެ ހައްގު ދޫކޮށްލުމަށް އެދިއްޖެ މީހަކަށް، ގާނޫނުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން ދިވެހި ރައްޔިތެއް ކަމުގެ ހައްގު ދޫކޮށްލެވިދާނެއެވެ.

 

 15 ވަނަ މާއްދާ - ގާނޫނާ އެއްތޮތަށް ކޮންމެ މީހަކާމެދުވެސް އަމަލު ކުރުމާއި، އަނިޔާއެއް ލިބޭނަމަ އިލްތިމާސް ކުރުމުގެ ހައްގު


  1. (ހ) ގާނޫނުގެ ރައްކާތެރިކަން ލިބުމާއި، ލިބިދިނުމާއި، ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އެމީހަކާމެދު ކަންކުރެވުމަކީ، ކޮންމެތަނެއްގައި ވިނަމަވެސް، އެއްވެސް ދިވެހިރައްޔިތެއްގެ ކިބައިން، ނުވަތަ އެހިނދަކު ދިވެހިރާއްޖޭގައިވާ އެއްވެސް މީހެއްގެ ކިބައިން ނިގުޅައިނުގަނެވޭނެ ހައްގެކެވެ.

    (ށ) ގާނޫނުގައި ކަނޑައެޅިފައިވާ ގޮތެއްގެމަތިން މެނުވީ، އެއްވެސް މީހެއްގެ ގަޔަތް އަތްލައި، ހިފައި، ހައްޔަރުކޮށް، އަދި ބަންދުކޮށްގެން ނުވާނެއެވެ. ފަހެ، ސައުވީސް ގަޑިއިރަށްވުރެ ދިގުމުއްދަތަކަށް އެއްވެސް މީހަކު ބަންދުކޮށް ނުވަތަ ހައްޔަރު ކޮށްފައި ބަހައްޓަންވާނީ، އެކަމުގެ ސަބަބު އެމީހަކަށް އެންގުމަށްފަހުގައެވެ.

    (ނ) ގާނޫނުގައި ކަނޑައެޅިފައިވާ ގޮތެއްގެމަތިން މެނުވީ، އެއްވެސް މީހެއްގެ ފުރާނައަށް، ނުވަތަ މިނިވަންކަމަށް ނުވަތަ ހަށިގަނޑަށް، ނުވަތަ ނަމަށް، ނުވަތަ އަބުރަށް، ނުވަތަ މުދަލަށް، ގެއްލުމެއް ލިބިދާނެ އެއްވެސް ކަމެއް ކޮށްގެން. ނުވާނެއެވެ.
  2. (ރ) ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ އެއްވެސް މީހަކު، ގާނޫނުގައި ބަޔާންވެގެންވާ ގޮތެއްގެމަތިން މެނުވީ ހަތްދުވަހަށްވުރެ ދިގުމުއްދަތަކަށް ބަންދުކޮށްފައި ބަހައްޓައިގެން ނުވާނެއެވެ.
  3. ދިވެހި ކޮންމެ ރައްޔިތަކަށްމެ އަނިޔާއެއް ލިބޭނަމަ، އެ އަނިޔާ އެއްގެ ވާހަކަ ބަޔާންކޮށް، ކަމާބެހޭ ވެރިންނަށާއި ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސް ކުރުމުގެ ހައްގު ލިބިގެންވެއެވެ.

 

16 ވަނަ މާއްދާ - ކުށެއްނެތް މީހާއާއި ކުށުގެ ތުހުމަތުން ބަރީއަވުމަށް މަސައްކަތްކުރުމުގެ ހައްގު

  1. އެމީހެއްގެ މައްޗަށް ކުށެއް ސާބިތުނުވާ ކޮންމެ މީހަކީ، ކުށެއްނެތް މީހެކެވެ.
  2. ކުށެއްގެ ތުހުމަތުން ބަރީއަވުމަށް އިސްލާމީ ށަރީއަތާ ހިލާފުނުވާ ގޮތުގެމަތިން މަސައްކަތް ކުރުމުގެ ހައްގު، ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. މިގޮތުން ގާނޫނީ ވަކީލެއްގެ އެހީއަކަށް ބޭނުންވެއްޖެ ކޮންމެހިނދެއްގައި، އެފަދަ އެހީހޯދައި ލިބިގަތުމުގެ ފުރްސަތު އެމީހަކަށް ދޭންވާނެއެވެ.

  

17 ވަނަ މާއްދާ - ގާނޫނުގައި ކުށެއްކަމަށް ކަނޑައެޅިފައި ނުވާކަމަކަށް ފަހުންހެދޭ ގާނޫނެއްގެ ދަށުން އަދަބު ނުދިނުން

  1. ވަކިކަމެއްކުރުން، ނުވަތަ ވަކިކަމެއް ނުކޮށް ދޫކޮށްލުން އެއީ، ކުށެއްކަމަށް ގާނޫނުގައި ނެތިސް، އެކަމެއްކުރި މީހަކަށް، ނުވަތަ އެކަމެއް ނުކޮށް ދޫކޮށްލި މީހަކަށް އަދަބުދިނުން، ފަހުންހެދޭ ގާނޫނަކުން ހުއްދައެއް ނުކުރެވޭނެއެވެ.
  2. ގާނޫނުގައި ވަކިއަދަބެއް ކަނޑައެޅިފައިވާ ކުށެއްކޮށްފި މީހަކަށް، އެކުށްކުރިއިރު ގާނޫނުގައި ކަނޑައެޅިފައިވާ އަދަބަށްވުރެ ބޮޑު އަދަބެއް، ނުވަތަ އެއަދަބު ފިޔަވައި އެހެން އަދަބެއް ދިނުންވެސް، ފަހުންދޭ ގާނޫނަކުން ހުއްދައެއް ނުކުރެވޭނެއެވެ.
  3. އެއްވެސް މީހަކަށް، އެއްކުށަކަށް ދެފަހަރަށް އަދަބު ދީގެން ނުވާނެއެވެ.

 

18 ވަނަ މާއްދާ - ގޮވަތިގެދޮރުގެ ހުރުމަތްތެރިކަން

ގޮވަތިގެދޮރަކީ، ހުރްމަތްތެރިވެގެންވާ ތަންތަނެވެ. ފަހެ، ގާނޫނު ގައިވާ ގޮތެއްގެމަތިން މެނުވީ، އެއިން ތަނަކަށް ވަދެގެން ނުވާނެއެވެ.

  

19 ވަނަ މާއްދާ - އުނގެނުމާއި އުނގަންނައި ދިނުމުގެ މިނިވަންކަން

ގާނޫނު ހިލާފުނުވާ ގޮތުގެމަތިން އުނގެނުމާއި އުނގަންނައި ދިނުމަކީ، މިނިވަންކަން ލިބިގެންވާ ކަމެކެވެ.

  

20 ވަނަ މާއްދާ - ސިިޓީއާއި މެސެޖުފަދަ ތަކެތީގެ ހުރްމަތަތެރިކަން

މީީހުންގެ މެދުގައި ހިނގާ ސިޓީއާއި މެސެޖުފަދަ ލިޔުމާއި، ތެލިފޯނުފަދަ ވަސީލަތްތަކުން ދައްކާ ވާހަކައަކީ، ހުރުމަތްތެރިވެގެންވާ އެއްޗެކެވެ. ފަހެ، ގާނޫނުގައި ކަނޑައެޅިގެންވާ ގޮތެއްގެމަތިން މެނުވީ، އެފަދަ ތަކެތި ބަލައި، އަހައި، ނަގައި، ފާޅުކޮށް ހަދައިގެން ނުވާނެއެވެ.

 

21 ވަނަ މާއްދާ - ދަތުރުފަތުރު ކުރުމުގެ މިނިވަންކަން

ކޮޮންމެ ތަނެއްގައި ހުރިނަމަވެސް، ދިވެހިރާއްޖެއަށް އެނބުރި އައުމާއި، ގާނޫނު މަނާނުކުރާހާހިނަދަކު ރާއްޖެއިން ބޭރަށް ދިއުމާއި، ރާއްޖޭގައި ދަތުރުފަތުރުކޮށް އުޅުމުގެ ހައްގު، ކޮންމެ ދިވެހި ރައްޔިތަކަށްމެ ލިބިގެންވެއެވެ.

 

22 ވަނަ މާއްދާ - މުދާ ހޯދުމާއި ގެންގުޅުމުގެ ހައްގު

ގާނޫނާ ހިލާފުނުވާނެ ގޮތުގެމަތިން މުދާ ހޯދުމާއި ލިބިގަތުމާއި، އެ މުދަލާމެދު މުއާމަލާތު ކުރުމުގެ ހައްގު، ކޮންމެ ރައްޔިތަކަށްމެ ލިބިގެންވެއެވެ.

 

23 ވަނަ މާއްދާ - މުދަލުގެ ވެރިފަރާތުގެ ހައްގުތައް ރައްކާތެރިކުރުން

  1. މީހުންގެ މިލްކުތަކަކީ، ހުރުމަތްތެރިވެގެންވާ އެއްޗެކެވެ. ފަހެ، ށަރީއަތުގައި ނުވަތަ ގާނޫނުގައިވާ ގޮތުއްގެ މަތިން މެނުވީ، ހަމަ އެކަކުގެ ކިބައިންވެސް އެމީހެއްގެ މިލްކުވެރި ކަމެއް ނިގުޅައި ނުގަނެވޭނެއެވެ.
  2. ގާނޫނުގައި ބަޔާންވެގެންވާ ހާލަތުތަކެއްގައި އާންމު ވެގެންވާ މަންފާއަކަށްޓަކައި އަދި ގާނޫނުގައި ބަޔާންވެގެންވާ ފަދައަކުން އެ އެއްޗަކަށް އަދްލުވެރި ބަދަލުދީފައި މެނުވީ، އެއްވެސް މީހެއްގެ މިލްކެއް ދައުލަތަށް ނަގައިގެން ނުވާނެއެވެ.
  3. އެއްވެސް ބާވަތެއްގެ ކުށެއްގެ ބަދަލުގައި އެއްވެސް މީހެއްގެ މިލްކެއް ހިފައިގެން ނުވާނެއެވެ.
  4. ތިރީގައި ބަޔާންވެގެންވާ އެއްވެސް ގާނޫނެއް ހެދުމަކަށް ނުވަތަ އެފަދަ ގާނޫނަކަށް އަމަލުކުރުމަކަށް މިމާއްދާ ހުރަހެއް ނާޅައެވެ.

    (ހ) މީސްތަކުންގެ ފުރާނަޔަށް ނުވަތަ މުދަލަށް، ނުވަތަ އާންމު ސިއްހަތަށް ގެއްލުމެއް ލިބިދޭފަދަ ތަކެތި، ބަދަލުދިނުމެއްނެތި ދައުލަތަށް ނެގުން ހުއްދަކުރާ ގާނޫނު.

    (ށ) ގާނޫނާ ހިލާފުގޮތަކުން ނުވަތަ ހައްގުނޫން ގޮތަކުން ހޯދާފައިވާކަމަށް ށަރީއަތަށް ސާބިތުވާ މުދާ ދައުލަތަށް ހިފުން ހުއްދަކުރާ ގާނޫނު.

    (ނ) ދުށްމަނުންގެ މުދާ ދައުލަތަށް ހިފައި، އެފަދަ މުދަލާމެދު މުއާމަލާތު ހިންގުން ހުއްދަކުރާ ގާނޫނު.

 

24 ވަނަ މާއްދާ - މަސައްކަތްކުރުމުގެ ހައްގު

ގާނޫނު މަނާނުކުރާ ކޮންމެ މަސައްކަތެއް ކުރުމުގެ ހައްގު، ކޮންމެ ރައްޔިތަކަށްމެ ލިބިގެންވެއެވެ.

 

25 ވަނަ މާއްދާ - ހިޔާލު ފާޅުކުރުމުގެ މިނިވަންކަން

ދިވެހިރާއްޖޭގެ އަމިއްލަވެރިކަން ދެމެހެއްޓުމާއި އާންމު މަސްލަހަތު ހިފެހެއްޓުމާއި އިސްލާމްދީނުގެ އަސްލުތަކަށް ރައްކާތެރި ވުމަށްޓަކައި ގާނޫނު މަނާނުކުރާހާހިނދަކު، އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި ހިޔާލުތައް ދުލުން ނުވަތަ ގަލަމުން ނުވަތަ އެނޫންވެސް ގޮތްގޮތުން ފާޅުކުރުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށް ލިބިގެންވެއެވެ.

 

26 ވަނަ މާއްދާ - އެއްވެ އުޅުމުގެ މިނިވަންކަން

ގާނޫނާހިލާފުނުވާ ގޮތުގެމަތިން، ސުލްހަވެރިކަމާއެކު މީސްތަކުން އެއްވެ އުޅުމަކީ، މިނިވަންކަން ލިބިގެންވާ ކަމެކެވެ.

 

27 ވަނަ މާއްދާ - ޖަމާއަތްތަކާއި ޖަމްއިއްޔާތައް ހެދުމުގެ މިނިވަންކަން

ޖަަމާއަތްތަކާއި ޖަމްއިއްޔާތައް ހެދުމީ، ދިވެހިރާއްޖޭގެ އަމިއްލަ ވެރިކަން ދެމެހެއްޓުމާއި އާންމު މަސްލަހަތު ހިފެހެއްޓުމަށްޓަކައި ގާނޫނު މަނާނުކުރާހާހިނދަކު، މިނިވަންކަން ލިބިގެންވާ ކަމެކެވެ.

 

28 ވަނަ މާއްދާ -  ޕެންށަނުގެ ހައްގު

ދިވެހިރައްޔިތުންކުރެ ވަޒީފާ އަދާކުރާ ކޮންމެ މީހަކަށްމެ ގާނޫނުގައިވާ ގޮތުގެމަތިން ޕެންށަނުގެ ހައްގު ލިބިގެންވެއެވެ.

 

29 ވަނަ މާއްދާ - ދައުލަތަށް އިހްލާސްތެރިވުމާއި ގާނޫނުއަސާސީއާއި ގާނޫނަށް ކިޔަމަންތެރިވުން

ދިިވެހި ދައުލަތަށް އިހްލާސްތެރިވުމާއި، ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނަށް ކިޔަމަންތެރިވުމަކީ، ކޮންމެތަނެއްގައި ވިނަމަވެސް ކޮންމެ ދިވެހިރައްޔިތެއްގެ ވާޖިބެކެވެ.

 

30 ވަނަ މާއްދާ - ގާނޫނުއަސާސީއާއި ގާނޫނު ރައްކާތެރިކުރުމާއި އަނެކުންގެ ހައްގުތަކަށް ހުރްމަތްރެރިކޮށް ހިތުން 

ދިިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނު ރައްކާތެރިކޮށް ދެމެހެއްޓުމާއި، އަނެކުންގެ ހައްގުތަކާއި މިނިވަންކަމަށް ހުރްމަތް ތެރިކޮށް ހިތުމީ، ކޮންމެ ދިވެހި ރައްޔިތެއްގެ ވާޖިބެކެވެ.

 

31 ވަނަ މާއްދާ - އަަސާސީ ހައްގުތަކާ ތައާރުޒުވާ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތައް ބާތިލުވުން

  1. ގާނޫނެއް ގަވާއިދެއް ނުވަތަ ގާނޫނުގެ ބާރު ލިބިގެންވާ އުސޫލެއް ކަމުގައިވިޔަސް، މިބާބުގައި ބަޔާންވެގެންވާ އަސާސީ ހައްގުތަކާ ތައާރުޒުވާނަމަ، އެގާނޫނަކުން ނުވަތަ އެގަވާއިދަކުން ނުވަތަ އެއުސޫލަކުން، އެ ހައްގުތަކާ ތައާރުޒުވާ މިންވަރެއްވާނީ ބާތިލު އެއްޗަކަށެވެ.
  2. މި ގާނޫނުއަސާސީގައި ކަނޑައެޅި ބަޔާންވެގެންވާ ގޮތެއްގެމަތިން މެނުވީ، މިބާބުގައި ބަޔާންވެގެންވާ އަސާސީ ހައްގުތައް ވަގުތީގޮތުން ނަމަވެސް މަނައެއް ނުކުރެވޭނެއެވެ.

 

ތިންވަނަ ބާބު

ވެރިކަން ހިންގާފަރާތް (1)

ރައީސުލްޖުމްހޫރިއްޔާ

 

32 ވަނަ މާއްދާ - ރައީސުލްޖުމްހޫރިއްޔާ

ދިވެހިރާއްޖޭގައި ގާނޫނުއަސާސީއާއި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، އިންތިހާބު ކުރާ ރައީސުލްޖުމްހޫރިއްޔާއަކު ހުންނަން ވާނެއެވެ.   

 

33 ވަނަ މާއްދާ - އެންމެމަތީ ވެރިޔާ 

ދަައުލަތުގެ އެންމެމަތީ ވެރިޔަކީ، އަދި ސަރުކާރުގެ އެންމެމަތީ ވެރިޔަކީ، އަދި ދިވެހިރާއްޖޭގެ ސިފައިންނާއި ފުލުހުންގެ އެންމެމަތީ ވެރިޔަކީ، ރައީސުލްޖުމްހޫރިއްޔާއެވެ.   

 

34 ވަނަ މާއްދާ - ރަައީސުލްޖުމްހޫރިއްޔާ އަކަށް އިންތިހާބުކުރެވޭ މީހެއްގެ ކިބައިގައި ހުންނަންވީ ސިފަތައް

ރައީސުލްޖުމްހޫރިއްޔާއަކަށް އިންތިހާބުކުރެވޭ މީހެއްގެ ކިބައިގައި، ތިރީގައިމިވާ ސިފަތައް ހުންނަންވާނެއެވެ.

(ހ) މުސްލިމަކު ކަމުގައި ވުމާއި، ސުންނަތް ޖަމާއަތުގެ މީހަކު ކަމުގައިވުން.

(ށ) ހަތަރުމަތިފުށް ދިވެހި، ދިވެހިރައްޔިތަކު ކަމުގައިވުން.

(ނ) އުމުރުން ތިރީސްފަސް އަހަރު ވެފައިވާ ފިރިހެނަކު ކަމުގައިވުން.

(ރ) ބުއްދި ހަމައަށްހުރި މީހަކުކަމުގައިވުން.

(ބ) ރައީސުލްޖުމަހޫރިއްޔާ ކަމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް އަދާކުރުމުގެ ލަޔާގަތުހުރި މީހަކު ކަމުގައިވުން.

(ޅ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ، ނުވަތަ ހިޔާނާތެއްގައި ބެދި އަބުރު ގެއްލިފައިވާ މީހަކު ކަމުގައިނުވުން.

(ކ) ބޭރު ގައުމެއްގެ ރައްޔިތެއް ކަމުގައިނުވުން.

(އ) ބިދޭސީއަކާ އިނދެގެންހުރި މީހަކު ކަމުގައިނުވުން.

 

35 ވަނަ މާއްދާ - ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާގޮތް

ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާނީ، ރައްޔިތުންގެ އާންމު ސިއްރު ވޯޓަކުންނެވެ. މިކަންކުރާނީ، ތިރީގައިމިވާގޮތުގެ މަތިންނެވެ.

(ހ) ރައީސުލްޖުމްހޫރިއްޔާކަމަށް ގަނޫނުގައިވާ ގޮތުގެ މަތިން ކުރިމަތިލާފައިވާ މީހުންގެ ތެރެއިން، ގާނޫނުއަސާސީގެ 34 ވަނަ މާއްދާގައި ބުނާ ސިފަތައް ފުރިހަމަވާ މީހުން، ގާނޫނުގައިވާ ގޮތުގެމަތިން، ކޮމިށަނަރ އޮފް އިލެކްށަންސް ކަނޑައަޅައި، ވީއެންމެ އަވަހަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އަންގައި، އެމީހުން އާންމުކޮށް އިއްލާނުކުރުން.

  1. ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލާފައިވާ މީހުން މިމާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އާންމުކޮށް އިއްލާނުކުރާތާ ތިންދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވައި، މަޖިލީހުގެ ރައީސް އެމީހުންގެ ނަންތައް މަޖިލީހަށް އިއްވުން.
  2. މިމައްދާގެ (ހ) ގެ (1) ގައިވާ ގޮތުގެމަތިން ބާއްވާ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޖިލީހަށް އިއްވާ ނަންތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަން ފެނޭތޯ ބެލުމަށްރައްޔިތުންގެ އާންމު ވޯޓަށް ހުށަހަޅާނެ މީހަކު ރައްޔިތުންގެ މަޖިލީހުން ހޮވުމަށްޓަކައި، އެޖަލްސާގައި ސިއްރު ވޯޓެއް ނެގުން. މިވޯޓުގައި ކޮންމެ މެންބަރަކުވެސް ވޯޓުދޭނީ، އެ މެންބަރަކަށް ފެންނަ އެކަކަށެވެ. މިވޯޓުން ހޮވޭނީ، މަޖިލީހުގެ އަގުްލަބިއްޔަތު ލިބުނު މީހެކެވެ. ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތި ލާފައިވަނީ، ގާނޫނުއަސާސީގެ 34 ވަނަ މާއްދާގައި ބުނެފައިވާ ސިފަތައް ފުރިހަމަވާ އެންމެ މީހަކު ކަމުގައިވިޔަސް، މިވޯޓު ނަގަންވާނެއެވެ.
  3. މިމާއްދާގެ (ހ) ގެ (2) ގައިވާ ގޮތުގެމަތިން ނަގާ ވޯޓުގައި އެއްވެސް މީހަކަށް މަޖިލީހުގެ އަގުްލަބިއްޔަތު ނުލިބެއްޖެނަމަ، އެންމެ މަތީ ދެއަދަދަކަށް ވޯޓު ލިބުނު މީހުންގެ ތެރެއިން އެކަކަށް މަޖިލީހުގެ އަގުްލަބިއްޔަތު ލިބެންދެން، ޖަލްސާ ނުނިންމައި ވޯޓު ނަގަމުން ދާނީއެވެގެން. މިގޮތަށް ވޯޓު ނަގާއިރު، އިތުރަށް ވޯޓުނަގާ ކޮންމެ ފަހަރަކުވެސް ވޯޓުނަގާނީ، އޭގެކުރީފަހަރު އެންމެގިނަ ދެއަދަދަކަށް ވޯޓު ލިބުނު މީހުންގެ މެދުގައެވެ.
  4. ރަައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލާފައިވަނީ، މި ގާނޫނުއަސާސީގެ 34 ވަނަ މާއްދާގައި ބުނެފައިވާ ސިފަތައް ފުރިހަމަވާ އެންމެ މީހަކު ކަމަށްވެފައި، މިމާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ނަގާ ވޯޓުގައި، އެމީހަކަށް މަޖިލީހުގެ އަގުްލަބިއްޔަތު ނުލިބިއްޖެނަމަ، ގާނޫނުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލުމުގެ ފުރްސަތު އަލުން ހުޅުވުނީއެވެ.
  5. ރަައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލާފައިވާ މީހުންގެ ތެރޭގައި މި ގާނޫނުއަސާސީގެ 34 ވަނަ މާއްދާގައި ބުނެފައިވާ ސިފަތައް ފުރިހަމަވާ މީހަކު ނެތްނަމަ، ވީއެންމެ އަވަހަކަށް ކޮމިށަނަރ އޮފް އިލެކްށަންސް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެކަން އަންގަން ވާނެއެވެ. އަދި އެކަން އަންގާތާ ތިންދުވަހުގެ ތެރޭގައި މަޖިލީހުގެ ރައީސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްބާއްވައި، އެކަން މަޖިލީހަށް އެންގުމުން، ގާނޫނުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން، ރައީސުލްޖުމުހޫރިއްޔާކަމަށް ކުރިމަތިލުމުގެ ފުރްސަތު އަލުން ހުޅުވުނީއެވެ.

(ށ)

  1. މިމާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ނަގާ ސިއްރު ވޯޓުގައި ރައްޔިތުންގެ މަޖިލީހުގެ އަގުްލަބިއްޔަތު ލިބުނު މީހާއަށް މަޖިލީހުގެ ރައީސް އެކަން އަންގައި، އެމީހަކު އެކަން ގަބޫލުކުރުމުން، އެމީހަކު ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަން ފެނޭތޯ ބެލުމަށް  ރައްޔިތުންގެ އާންމު ސިއްރު ވޯޓެއް ނެގުން.
  2. މި މާއްދާގެ (ށ) ގެ (1) ގައިވާ ގޮތުގެމަތިން އެމީހަކު ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަން ފެނޭތޯ ބެލުމަށްނަގާ ވޯޓުގައި ވޯޓުދިން މީހުންގެ އަގްލަބިއްޔަތު އޭނާއަށް ލިބިއްޖެނަމަ، އޭނާ ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިހާބުވީއެވެ.
  3. މި މާއްދާގެ (ށ) ގެ (1) ގައިވާ ގޮތުގެމަތިން، އެމީހަކު ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަން ފެނޭތޯ ބެލުމަށްނަގާ ވޯޓުގައި ވޯޓުދިން މީހުންގެ އަގްލަބިއްޔަތު އޭނާއަށް ނުލިބިއްޖެނަމަ، ގާނޫނުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލުމުގެ ފުރްސަތު އަލުން ހުޅުވުނީއެވެ.

(ނ) ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރުމާ ބެހޭގޮތުން ގާނޫނުއަސާސީ އާއި ގާނޫނުގައި ކަނޑައެޅިފައި ނެތްކަމަށް ދިމާވެއްޖެނަމަ، އެކަމެއް ނިންމާނީ، ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަދެބައިގެ އަގުްލަބިއްޔަތުންނެވެ.

  

36 ވަނަ މާއްދާ - ރައީސުލްޖުމްހޫރިއްޔާކަމާ ހަވާލުވުން

ރަައީސުލްޖުމްހޫރިއްޔާކަމަށް އިންތިހާބުވާ މީހަކަށް ރައީސުލްޖުމްހޫރިއްޔާކަމާ ހަވާލުވެވޭނީ، ރައްޔިތުންގެ މަޖިލީހުގެ ކުރިމަތީގައި މި ގާނޫނުއަސާސީގެ ޖަދުވަލުގެ (ހ) ގައިވާ ހުވާ ކުރުމުންނެވެ.

 

37 ވަނަ މާއްދާ - ރައީސުލްޖުމްހޫރިއްޔާގެ ރިޔާސަތުގެ ދައުރު 

ރަައީސުލްޖުމްހޫރިއްޔާގެ ރިޔާސަތުގެ ދައުރަކީ، އެމީހަކު ރައީސުލްޖުމްހޫރިއްޔާކަމާ ހަވާލުވި ދުވަހުން ފެށިގެން ފަސްއަހަރު ދުވަހެވެ. ރައީސުލްޖުމްހޫރިއްޔާގެ ރިޔާސަތުގެ ދައުރު ހަމަވިޔަސް، މި ގާނޫނު އަސާސީގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާއަކު އަލުން އިންތިހާބު ކުރެވި އެމީހަކު ރައީސުލްޖުމްހޫރިއްޔާކަމާ ހަވާލު ވަންދެން، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައިހުރި މީހާ، އެ މަގާމުގައި ދެމިހުންނަށް ވާނެއެވެ.

 

38 ވަނަ މާއްދާ - އިސްލާމްދީނުގެ ށިއާރު ފާޅުކުރުން

ދިިވެހިރާއްޖޭގައި އިސްލާމްދީނުގެ އެންމެހައި ށިއާރުތައް ފާޅުކުރުމުގެ ވެރިޔަކީ، ރައީސުލްޖުމްހޫރިއްޔާއެވެ.

 

39 ވަނަ މާއްދާ - އަދްލު އިންސާފު ގާއިމުކުރުން 

ދިިވެހިރާއްޖޭގައި އަދްލުއިންސާފު ގާއިމުކުރުމުގެ އެންމެ އިސްވެރިޔަކީ، ރައީސުލްޖުމްހޫރިއްޔާއެވެ.

 

40 ވަނަ މާއްދާ - އަފޫކުރުން

ކުށްވެރިންނަށް އަފޫކުރުމާއި ކުށްވެރިންގެ އަދަބު ލުއިކޮށް ދިނުމުގެ ބާރު  ލިބިގެންވަނީ، ރައީސުލްޖުމްހޫރިއްޔާއަށެވެ.

 

41 ވަނަ މާއްދާ - އިއްޒަތާއި މެޑެއްޔާއި ށަރަފުވެރި ލަގަބު ދިނުން

ދިވެހިދައުލަތުގެ ނަމުގައި، އިއްޒަތާއި މެޑެއްޔާއި ށަރަފުވެރި ލަގަބުދޭނީ، ރައީސުލްޖުމްހޫރިއްޔާއެވެ.

 

42 ވަނަ މާއްދާ - ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ ބާރުތަކާއި ރައީސުލްޖުމްހޫރިއްޔާ ކުރަންޖެހޭ ކަންތައްތައް

ގާާނޫނުއަސާސީއާއި ގާނޫނުން ކަނޑައެޅި ބަޔާންވެގެން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުތަކާއި، އަދި ގާނޫނުއަސާސީއާއި ގާނޫނުގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ ކުރަންޖެހޭ ކަންތައްތަކުގެ އިތުރަށް، ތިރީގައިމިވާ ކަންތައްތައް ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.

(ހ) ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި، އުއްތަމަފަނޑިޔާރާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، އެ މަޖިލީހުގެ ނާއިބުރައީސާއި، ވަޒީރުންނާއި، ބަންޑާރަނާއިބާއި، ހާއްސަ އިމްތިޔާޒުތަކާއެކު ދިވެހި ދައުލަތުން ބޭރުފަރާތްތަކަށް ފޮނުވާ މީހުންނާއި، އަތޮޅުވެރިންނާއި، ފަނޑިޔާރުންނާއި، އޮޑިޓަރ ޖެނެރެލާއި، ކޮމިށަނަރ އޮފް އިލެކްށަންސް، ގާނޫނުއަސާސީގައިވާ ގޮތުގެމަތިން އިސްކުރުމާއި ވަކިކުރުން.

(ށ) ވަޒީރުންގެ މަޖިލިސް އައްޔަންކުރުމާއި އެ މިޖިލިސް ރޫޅާލުން.

(ނ) ވަޒީރުންގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުން. ރައީސުލްޖުމްހޫރިއްޔާއަށް ހާޒިރުވެވެން ނެތްހިނދެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު، ނުވަތަ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ މީހަކު ކަނޑައެޅުން.

(ރ) ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާގައި ސަރުކާރުގެ ސިޔާސަތު ހާމަކުރާ ބަޔާނެއް ދިނުން.

(ބ) ސަރުކާރުން ހިންގާ ކަންތައްތައް ރަނގަޅު ގޮތުގައި ހިންގުމަށާއި، ގާނޫނުއަސާސީއާއި ގާނޫނުގައި ބަޔާންވެގެންވާ ކަންތައްތަކަށް ފުރިހަމައަށް އަމަލު ކުރުމަށްޓަކައި، އެއިރަކަށް ބޭނުންވާ ގަވާއިދުތަކާއި، އަމުރުތަކާއި ހުކުމްތައް ނެރުން.

(ޅ) ރައްޔިތުންގެ ހިޔާލު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ބޭނުންވާ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ އާންމު ވޯޓު ނެގުން،

(ކ) ހަނގުރާމައާއި ސުލްހަ އިއްލާނުކުރުން.

(އ) ބޭރު ދައުލަތްތަކުން ދިވެހިރާއްޖެއަށް ކަނޑައަޅާ ސަފީރުންނާއި، ހާއްސަ އިމްތިޔާޒާއެކު އެފަރާތްތަކުން ފޮނުވާ މީހުން، ދިވެހިރާއްޖޭގެ ނަމުގައި ބަލައިގަނެ ގަބޫލުކުރުން.

(ވ) ބައިނަލްއަގްވާމީ ގާނޫނާއި އާދަކާދައާއި އުސޫލު ނިޔާކުރާގޮތުން، ރައީސުލްޖުމްހޫރިއްޔާ ކުރަންޖެހޭ ކަންތައްތައް، ގާނޫނުއަސާސީއާއި ލިޔެފައިވާ އެހެނިހެން ގާނޫނުތަކާ ހިލާފު ނުވާ ގޮތުގެމަތިން ކުރުން.

 

43 ވަނަ މާއްދާ - ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ވެރިކަމުގެ ބާރު

ރައީސުލްޖުމްހޫރިއްޔާއަށް ވެރިކަމުގެ ބާރު ލިބިގެންވަނީ، ށަރީއަތާއި ގާނޫނުއަސާސީގައި ކަނޑައެޅިގެންވާ ދާއިރާގެ ތެރޭގައެވެ. ފަހެ، ށަރީއަތާއި ގާނޫނުއަސާސީއާ ހިލާފު ގޮތަކަށް އެއްވެސް ކަމެއް ނުހިންގޭނެއެވެ.

 

44 ވަނަ މާއްދާ - ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ގާނޫނީ ރައްކާތެރިކަން

  1. ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަ މީހަކީ، ގާނޫނީ ހާއްސާ ރައްކާތެރިކަން ލިބިގެންވާ މީހެކެވެ. ފަހެ، އޭނާގެ ޒާތަށް އުނިކަމެއް ލިބިދާނެ އެއްވެސްކަމެއް ހަމައެކަކުވެސް ކޮށްގެނެއް ނުވާނެއެވެ. އެމަގާމުގައި ހުރި މީހަކު ރަސްމީގޮތުން ނުވަތަ އަމިއްލަގޮތުން ކުރިކަމަކާމެދު، ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާމެދު، އޭނާ އެމަގާމުގައި ހުރިހާހިނދަކު އޭނާގެ މައްޗަށް އެއްވެސް ފަނޑިޔާރުގެއެއްގައި ނުވަތަ ށަރީއަތުގެ އެހެން މަޖިލީހެއްގައި ވިޔަސް ދައްވާއެއް ނުކުރެވޭނެއެވެ. 
  2. ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުރި މީހަކު އެމަގާމުގައި ހުރިއިރު، އޭނާގެ މަގާމުގެ ހައިސިއްޔަތުން ގާނޫނާ ހިލާފުނުވެ ކޮށްފައިވާ ކަމަކާމެދު، ނުވަތަ ނުކޮށް ދޫކޮށްލާފައިވާ ކަމަކާމެދު، އޭނާ އެމަގާމުން ވަކިވުމަށް ފަހުގައިވެސް އޭނާގެ މައްޗަށް އެއްވެސް ފަނޑިޔާރުގެއެއްގައި ނުވަތަ ށަރީއަތުގެ އެހެން މަޖިލީހެއްގައި ވިޔަސް ދައްވާއެއް ނުކުރެވޭނެއެވެ.
  3. ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުރި މީހަކު އެމަގާމުގައި ހުރިއިރު، އޭނާގެ މަގާމުގެ ހައިސިއްޔަތުން ކޮށްފައިވާ ނުވަތަ ނުކޮށް ދޫކޮށްލާފައިވާ އެއްވެސް ކަމަކީ ގާނޫނާ ހިލާފަށް ކޮށްފައިވާ ނުވަތަ ނުކޮށް ދޫކޮށްލާފައިވާ ކަމެއްކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް އޭނާ އެމަގާމުން ވަކިވުމަށްފަހު އެއްވެސް ދައްވާއެއް ކުރެވޭނީ، އެމައްސަލަ ރައްޔިތުންގެ މަޖިލީހަށް ގަވާއިދުން ހުށަހަޅައި، މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަގުްލަބިއްޔަތުން ފާސްވެގެންނެވެ.

 

45 ވަނަ މާއްދާ -  ރައީސުލްޖުމްހޫރިއްޔާ ވިޔަފާރި ނުކުރުން

  1. ރަައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަ މީހަކު ވިޔަފާރި ކުރުމާއި، ވިޔަފާރި ހިންގާ ތަނެއްގެ ވަޒީފާއެއް އަދާކުރުމާއި، ވިޔަފާރީގެ ފައިދާއެއް ލިބިދޭފަދަ މަގާމެއްގައި ހުރުމާއި، މިއިން ކަމެއް ކޮށްގެން ނުވާނެއެވެ.
  2. ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަ މީހަކު، އޭނާގެ މިލްކުގައިވާ މުދަލަކުން، ވިޔަފާރި ހިންގުންކަމަށް ނުވާގޮތަށް، މުއާމަލާތު ކުރުމަކަށް މިމާއްދާ ހުރަހެއް ނާޅައެވެ.

 

46 ވަނަ މާއްދާރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދިނުން

ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާދޭން ބޭޏުންވެއްޖެނަމަ، އޭނާ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް، ސަބަބު ބަޔާންކޮށް ފޮނުވާ ލިޔުމަކުން ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުން އިސްތިއުފާ ދެވިދާނެއެވެ. އެކަމަކު، ރައީސުލްޖުމްހޫރިއްޔާ ފޮނުވާ އިސްތިއުފާގެ ލިޔުން ތިންދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މަޖިލީހުން އެ އިސްތިއުފާ ގަބޫލުކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ފޮނުވާ ލިޔުމަކުން އެކަން އަންގަންދެން، ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަގާމުގައި ދެމިހުންނަންވާނެއެވެ.

 

47 ވަނަ މާއްދާރައީސުލްޖުމްހޫރިއްޔާ މަގާމުން ދުރުކުރުން

  1. ރައީސުލްޖުމްހޫރިއްޔާގެ ރިޔާސަތުގެ ދައުރު ހަމަވުމުގެ ކުރިން އޭނާ މަގާމުން ދުރުކުރެވޭނީ، އޭނާގެ މައްޗަށް އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއްގެ ތުހުމަތުކުރެވި، މިމާއްދާގެ (2) ގެ (ހ) އާއި (ށ) ގައިވާ ގޮތުގެމަތިން އަމަލުކޮށް، މިމާއްދާގެ (2) ގެ (ރ) ގައިވާ ގޮތުގެމަތިން، ތަހްގީގު ކޮމިޓީއަށް ފެނުނު ގޮތުގެ ރިޕޯޓު މަޖިލީހަށް ފޮނުވުމުން، މަޖިލީހުން އެ ރިޕޯޓުގެ މައްޗަށް ބެލުމަށްފަހު، އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ކަންތައް ގަބޫލު ކުރެވޭފަދަ ހެކިތައް ހުރިކަމަށާއި، އެކަމާ ގުޅިގެން އޭނާ މަގާމުން ދުރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަގްލަބިއްޔަތުން ފާސްވެއްޖެނަމައެވެ.

    (ހ) ގާނޫނުއަސާސީގައި ރައީސުލްޖުމްހޫރިއްޔާއަކަށް ހުރުން ލާޒިމުކުރާ ސިފަތަކުގެ ތެރެއިން ސިފައެއް އޭނާގެ ކިބައިން އުނިވުން.

    (ށ) ރައީސުލްޖުމްހޫރިއްޔާގެ ވާޖިބުތައް އަދާނުކުރެވޭ ފަދަ ދާއިމީ ބައްޔެއް އޭނާއަށް ޖެހުން.

    (ނ) ގަސްދުގައި ގާނޫނުއަސާސީއާ ހިލާފުވުން.

    (ރ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރުން.
  2. (ހ) ރައީސުލްޖުމްހޫރިއްޔާ މަގާމުން ދުރުކުރުމަށް ހުށަހެޅޭ މައްސަލައެއް ރައްޔިތުންގެ މަޖިލީހުން ބެލޭނީ، މިމާއްދާގެ (1) ގެ (ހ)، (ށ)، (ނ)، (ރ) ގައި ބަޔާން ކޮށްފައިވާ ކަންކަމުގެ ތެރެއިން ކަމަކާމެދު އޭނާގެ މައްޗަށް ތުހުމަތު ކުރެވޭކަމުގައި، ސަބަބު ބަޔާންކޮށް، މަޖިލީހުގެ މެންބަރުންގެ ތިންބައިކުޅަ އެއްބައި މެންބަރުން ސޮއިކޮށް، މަޖިލީހުގެ ރައީސަށް ފޮނުވުމުން، އެމައްސަލަ މަޖިލީހަށް ހުށަހަޅައި، އެމައްސަލަ ބެލުމަށް މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަގްލަބިއްޔަތުން ފާސްވެއްޖެ ނަމައެވެ.

    (ށ) ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ތުހުމަތު ކުރެވުނު ކަންތައް ތަހްގީގުކުރާނީ، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ދެމީހުންނާއި، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ދެމީހުންނާއި، ރައްޔިތުންގެ މަޖިލީހާއި، ރައީސުލްޖުމްހޫރިއްޔާ ގަބޫލުކުރާ މީހަކާ، މި ފަސްމީހުންގެ މައްޗަށް އެކުލެވޭ ތަހްގީގު ކޮމިޓީ އަކުންނެވެ. މި ތަހްގީގު ކޮމިޓީގައި ހިމެނޭ އެއްވެސް މީހަކީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ކަމުގައި ވެގެން ނުވާނެއެވެ. އަދި، މިއިން ކޮންމެ ކަމަކީ، މިފަދަކަމެއް ބެލެވޭފަދަ، ލަޔާގަތާއި ގާބިލިއްޔަތުހުރި މީހަކު ކަމުގައި ވާންވާނެއެވެ. ރައްޔިތުންގެ މަޖިލީހާއި ރައީސުލްޖުމްހޫރިއްޔާ ގަބޫލުކުރާ މީހަކު ހޮވުމުގައި މިދެފަރާތަށް އެއްބަސް ނުވެވިއްޖެނަމަ، އެމީހަކު ހޮވާނީ ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަގްލަބިއްޔަތުންނެވެ. މި ތަހްގީގު ކޮމިޓީގެ ރިޔާސަތު ބަލަހައްޓާނީ ކޮމިޓީގެ މެންބަރުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހާއި ރައީސުލްޖުމްހޫރިއްޔާ އެއްބަސްވެގެން ހޮވާ މީހެކެވެ. އެ ދެފަރާތް އެއްބަސްނުވެވިއްޖެ ހާލެއްގައި، ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަގްލަބިއްޔަތުން ހޮވާ މީހެކެވެ.

    (ނ) މިމާއްދާގެ (2) ގެ (ށ) ގައި ބުނެފައިއެވާ ތަހްގީގު ކޮމިޓީން މައްސަލަ ތަހްގީގުކުރާއިރު، ރައީސުލްޖުމްހޫރިއްޔާ އަމިއްލައަށް ތަހްގީގު ކޮމިޓީއަށް ހާޒިރުވެ، ނުވަތަ އޭނާގެ ބަދަލުގައި ވަކީލަކު ތަހްގީގު ކޮމިޓީއަށް ފޮނުވައިގެން، ވާހަކަ ދެއްކުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެން ވެއެވެ.

    (ރ) މިމާއްދާގެ (2) ގައި ބުނެފައިއެވާ ތަހްގީގު ކޮމިޓީއަށް މައްސަލަ ހުށަހަޅާ ދުވަހުން ފެށިގެން ތިރީސް ދުވަހުގެ ތެރޭގައި އެކޮމިޓީން މައްސަލަ ތަހްގީގުކޮށް، ކޮމިޓީއަށް ފެނުނު ގޮތުގެ ރިޕޯޓު، ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ވާނެއެވެ.
  3. މިމާއްދާގެ (1) ގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ މަގާމުން ދުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްވެއްޖެނަމަ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުރިމީހަކަށް އެކަން އެންގުމުން، އެވަގުތުން ފެށިގެން އެމީހަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމުން ވަކިވީއެވެ. 

 

48 ވަނަ މާއްދާ - ވަަގުތީގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރުން

  1. ރައީސުލްޖުމްހޫރިއްޔާ މަރުވެގެން، ނުވަތަ އިސްތިއުފާ ދީގެން، ނުވަތަ މަގާމުން ދުރުކުރެވިގެން، ރައީސުލްޖުމްހޫރިއްޔާގެ މަގާމު ހުސްވެއްޖެނަމަ، އެމަގާމު ހުސްވި ވަގުތުން ފެށިގެން، ރައީސުލްޖުމްހޫރިއްޔާގެ ގާއިމު މަގާމެއްގެ ގޮތުން ކަންހިންގާނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސެވެ. އޭނާ އެމަގާމުގައި ހުންނާނީ، މިމާއްދާގެ (2) ގައިވާ ގޮތުގެމަތިން ދައުލަތް ހިންގާނެ މަޖިލީހެއް އިންތިހާބުކޮށް، އެމަޖިލީހުން ދައުލަތް ހިންގުމާ ހަވާލުވަންދެނެވެ.
  2. މިމާއްދާގެ (1) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސުލްޖުމްހޫރިއްޔާގެ ގާއިމު މަގާމެއްގެ ގޮތުން ކަންހިންގަން ފެށުމާއެކު، ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ނެތިގެން މިމާއްދާގެ (4) ގައިވާ ގޮތުގެ މަތިން ކަންހިންގުމާ މީހަކު ހަވާލުވުމާއެކު، ލަސްވެގެން ހަތްދިހަ ދެގަޑިއރު ތެރޭގައި ރައްޔިތުންގެ މަޖިލިސް އެއްކޮށް، ގާނޫނުއަސާސީގެ 35 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބުކޮށް، އޭނާ އެމަގާމާ ހަވާލުވަންދެން، ވަގުތީގޮތުން ރަައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރުމަށް، ތިންމީހުގެ މައްޗަށް އެކުލެވޭ، ދައުލަތް ހިންގާ މަޖިލީހެއް ރައްޔިތުންގެ މަޖިލީހުގެ ސިއްރު ވޯޓަކުން އިންތިހާބުކޮށް، ދައުލަތް ހިންގުން އެމަޖިލީހާ ހަވާލުކުރަންވާނެއެވެ. އެމަޖިލީހުގެ ކޮންމެ މެންބަރަކީ، ވަޒީރުންގައި ހުރުން ލާޒިމު ސިފަތައްހުރި މީހަކު ކަމުގައި ވާންވާނެއެވެ. އެމަޖިލީހަށް ދައުލަތް ހިންގުމާ ހަވާލުވެވޭނީ، އެ މަޖިލީހުގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ކުރިމަތީގައި، މި ގާނޫނު އަސާސީގެ ޖަދުވަލުގެ (ށ) ގައިވާ ހުވާ ކުރުމުންނެވެ.
  3. ވަގުތީ ސަބަބެއް މެދުވެރިވެގެން ރައީސުލްޖުމްހޫރިއްޔާ ވަޒީފާ އަދާކުރުމަށް އުޒުރުވެރި ވެއްޖެނަމަ، ރައީސުލްޖުމްހޫރިއްޔާގެ ބަދަލުގައި އެވަޒީފާ އަދާކުރާނީ، ރައީސުލްޖުމްހޫރިއްޔާގެ ނާއިބަކު ހުރިނަމަ، އޭނާއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާއިބަކު ނެތް ހާލެއްގައި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އެކަމަށް އިސްކުރާ މީހެކެވެ.
  4. މިމާއްދާގެ (1) ގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތެއް މެދުވެރިވެގެން ރައީސުލްޖުމްހޫރިއްޔާގެ މަގާމު ހުސްވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ނެތްނަމަ، ނުވަތަ މިމާއްދާގެ (3) ގައި ބަޔާންކޮށްފައިވާ ފަދައިން، ވަގުތީ ސަބަބެއް މެދުވެރިވެގެން ރައީސުލްޖުމްހޫރިއްޔާ އޭނާގެ ވަޒީފާ އަދާކުރުމަށް އުޒުރުވެރިވާއިރު ރައީސުލްޖުމްހޫރިއްޔާގެ ނާއިބަކު ނެތްނަމަ، އަދި ރައީސުލްޖުމްހޫރިއްޔާއަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ބަދަލުގައި އެވަޒީފާ އަދާކުރުމަށް މީހަކު އިސްނުކުރެވޭނެފަދަ ހާލަތެއް ދިމާވެއްޖެނަމަ، ކަންހިންގުމާ ހަވާލުވާނީ، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމަޖިލީހުގައި އެންމެ ގިނަދުވަހު ހިދްމަތްކޮށްފައިވާ މީހެކެވެ. މިމާއްދާގެ މިނަންބަރުގައި ބުނާ ހާލަތުތަކުގެ ތެރެއިން ފުރަތަމަ ހާލަތުގައި އޭނާ ކަންހިންގުމާ ހަވާލުވެ ހުންނާނީ، މިމާއްދާގެ (2) ގައިވާ ފަދައިން އިންތިހާބުވާ، ދައުލަތް ހިންގާ މަޖިލިސް ދައުލަތް ހިންގުމާ ހަވާލު ވަންދެނެވެ. ދެވަނަ ހާލަތުގައި އޭނާ އެމަގާމުގައި ދެމިހުންނާނީ، ރައީސުލްޖުމްހޫރިއްޔާ އަލުން އޭނާގެ މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވަންދެނެވެ.
  5. މިމާއްދާގައި ބުނެފައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބަށާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރަށް ވަގުތީގޮތުން ދައުލަތް ހިންގުމާ ހަވާލުވެވޭނީ އުއްތަމަފަނޑިޔާރު ކުރިމަތީގައި، ނުވަތަ ހައިކޯޓުގެ ފަނޑިޔާރެއްގެ ކުރިމަތީގައި، މި ގާނޫނުއަސާސީގެ ޖަދުވަލު (ށ) ގައިވާ ހުވާ ކުރުމުންނެވެ. 

 

49 ވަަނަ މާއްދާ - ރައީސުލްޖުމްހޫރިއްޔާގެ ރިޔާސަތުގެ ދައުރު ހަމަވުމުގެކުރިން ނުވަތަ މަގާމު ހުސްވުމުން އެމަގާމަށް މީހަކު އިންތިހާބުކުރުން

  1. ރައީސުލްޖުމްހޫރިއްޔާގެ ރިޔާސަތު ދައުރު ހަމަވާން އޮންނަ އެންމެފަހު ފަސްދޮޅަސް ދުވަސް ފެށުމާއެކު، މި ގާނޫނު އަސާސީގެ 35 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ރިޔާސަތުގެ އާ ދައުރަށް މީހަކު އިންތިހާބުކޮށް، ރިޔާސަތު ގެ ދައުރު ހަމަވުމުގެ ހަތްދުވަސް ކުރިން އިންތިހާބާބެހޭ ހުރިހާކަމެއް ނިންމަންވާނެއެވެ.
  2. ރައީސުލްޖުމްހޫރިއްޔާ މަރުވެގެން، ނުވަތަ އިސްތިއުފާ ދީގެން، ނުވަތަ އޭނާ އެމަގާމުން ދުރުކުރުމުގެ ސަބަބުން، ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމު ހުސްވެއްޖެނަމަ، މި ގާނޫނުއަސާސީގެ 35 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ލަސްވެގެން ފަސްދޮޅަސް ދުވަހުގެ ތެރޭގައި އެމަގާމަށް މީހަކު އިންތިހާބު ކުރަންވާނެއެވެ.

 

50 ވަނަ މާއްދާ - ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތް

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުރިމީހަކު، ކުށްވެރިނުވެ، ގާނޫނީ ހަމަތަކުގެ މަތިން އެމަގާމުން ވަކިވެއްޖެނަމަ، ދައުލަތުގެ އެންމެ މަތީ ވެރިކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ އިއްޒަތާ ގަދަރާ އެކަށީގެންވާފަދަ ރައްކާތެރިކަމާއި މާލީ އިނާޔަތާއި އެހެނިހެން އިނާޔަތްތައް އެމީހަކަށް ހައްގު ވާނެއެވެ. މިގޮތުންދެވޭ ރައްކާތެރިކަމާއި އިނާޔަތްތައް ގާނޫނުގައި ބަޔާންކުރަންވާނެއެވެ.

 

51 ވަނަ މާއްދާ - ރައީސުލްޖުމްހޫރިއްޔާގެ ނާއިބު

ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރާ ވާޖިބުތަކާއި ކަންތައްތައް ކުރުމަށް، ރައީސުލްޖުމްހޫރިއްޔާގެ ނާއިބަކު އިސްކުރުމުގެ އިއްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާއިބަށް އޭނާގެ މަގާމާ ހަވާލުވެވޭނީ، ރައީސުލްޖުމްހޫރިއްޔާގެ ކުރިމަތީގައި މި ގާނޫނުއަސާސީގެ ޖަދުވަލުގެ (ނ) ގައިވާ ހުވާ ކުރުމުންނެވެ.

 

52 ވަނަ މާއްދާ - ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ކިބައިގައި ހުރުން ލާޒިމުވާ ސިފަތައް

ރަައީސުލްޖުމްހޫރިއްޔާގެ ނާއިބުކަމަށް އިސްކުރަންވާނީ، މި ގާނޫނުއަސާސީގައިވާ ގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި ހުރުން ލާޒިމުވާ ސިފަތައްހުރި މީހެކެވެ. 

 

53 ވަނަ މާއްދާ - ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މަގާމުން ވަކިކުރުމާއި އިސްތިއުފާދިނުން

  1. ރައީސުލްޖުމްހޫރިއްޔާއަށް ފެނިއްޖެ ހިނދެއްގައި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބަށް ފޮނުވާ ލިޔުމަކުން ރައީސުލްޖުމްހޫރިޔއްޔާގެ ނާއިބު އޭނާގެ މަގާމުން ވަކިކުރެވިދާނެއެވެ.
  2. ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އޭނާގެ މަގާމުން އިސްތިއުފާ ދޭންބޭނުންވެއްޖެނަމަ، އޭނާ ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާ ލިޔުމަކުން، އިސްތިއުފާ ދެވިދާނެއެވެ. އެކަމަކު ރައީސުލްޖުމްހޫރިއްޔާ އޭނާގެ އިސްތިއުފާ ގަބޫލު ކުރިކަން އަންގަންދެން، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އޭނާގެ މަގާމުގެ ވާޖިބުތައް އަދާކުރުންމަތީ ރާއިސުލްޖުމް ދެމިހުންނަންވާނެއެވެ.

 

54 ވަނަ މާއްދާ - ވަޒީރުންގެ މަޖިލިސް 

ރަައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ވަޒީރުންގެ މަޖިލީހެއް އޮންނަންވާނެއެވެ. އެެމަޖިލީހުގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާއެވެ. 

 

55 ވަނަ މާއްދާ - ވަޒީރުންގެ މަޖިލިސް

  1. ވަޒީރުންގެ މަޖިލިސް އެކުލެވިގެންވާނީ، ރައީސުލްޖުމްހޫރިއްޔާގެ ނާއިބަކު ހުރިނަމަ ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި، އެކިއެކި ވުޒާރާތައް ހިންގުމާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރާ ވަޒީރުންނާއި، ބަންޑާރަނާއިބުގެ މައްޗަށެވެ.
  2. ބޭނުންވެއްޖެ ހިނދެއްގައި، ވަޒީރަކު ނުވަތަ ބަންޑާރަނާއިބު އިސްނުކޮށް، ރައީސުލްޖުމްހޫރިއްޔާގެ ސީދާ ބެލުމުގެ ދަށުން ވުޒާރާއެއް ނުވަތަ ބަންޑާރަނާއިބުގެ އޮފީސް ހިންގުން މިމާއްދާ މަނައެއް ނުކުރެއެވެ.

 

56 ވަނަ މާއްދާ - ވަޒީރުންނާއި ބަންޑާރަ ނާއިބުގައި ހުރުން ލާޒިމުވާ ސިފަތައް

ވަަޒީރުން ކަމުގައްޔާއި ބަންޑާރަނާއިބު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިސްކުރާ މީހުންގައި، ތިރީގައިމިވާ ސިފަތައް ހުރުން ލާޒިމު ވާނެއެވެ.

(ހ) މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާއަތުގެ މީހަކު ކަމުގައިވުން.

(ށ) ދިވެހި ރައްޔިތަކު ކަމުގައިވުން.

(ނ) އުމުރުން ތިރީސްއަހަރު ވެފައިވުން.

(ރ) ބުއްދިހަމައަށް ހުރި މީހަކު ކަމުގައިވުން.

(ބ) އެމީހަކާ ހަވާލުކުރެވޭ ކަންތައްތައް ހިންގޭފަދަ ލަޔާގަތު ހުރި މީހަކު ކަމުގައިވުން.

(ޅ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ކުރިކަން، ވޭތުވެދިޔަ ފަސްއަހަރު ދުވަހުގެ ތެރޭގައި ށަރީއަތަށް ސާބިތުވެ އަބުރު ގެއްލިފައިވާ މީހަކު ކަމުގައިނުވުން.

(ކ) ބޭރު ގައުމެއްގެ ރައްޔިތެއް ކަމުގައި ނުވުން. 

 

57 ވަނަ މާއްދާ - ވަޒީރުންނާއި ބަންޑާރަނާއިބު މަގާމާ ހަވާލުވުން

ކޮންމެ ވަޒީރަކަށް އަދި ބަންޑާރަނާއިބަށް، އެމީހެއްގެ މަގާމާ ހަވާލުވެވޭނީ، ރައީސުލްޖުމްހޫރިއްޔާގެ ކުރިމަތީގައި، މި ގާނޫނުއަސާސީގެ ޖަދުވަލުގެ (ރ) ގައިވާ ހުވާކުރުމުންނެވެ.

 

58 ވަނަ މާއްދާ - ވަޒީރުންގެ މަޖިލީހުން ކުރާ ކަންތައްތައް

ރަައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖީލާ ހަވާލުކުރާ ކަންތައްތައް އެމަޖިލީހުން  ކުރަންވާނެއެވެ. އޭގެތެރޭގައި، ތިރީގައިމިވާ ކަންތައްތައް ހިމެނޭނެއެވެ.

(ހ) ގައުމީ އަދި ބައިނަލްއަގްވާމީ މުހިންމު ކަންތައްތަކުގައި ސަރުކާރުގެ ސިޔާސަތު އެކަށައެޅުމުގައި ރައީސުލްޖުމްހޫރިއްޔާއާ އެހީވުން.

(ށ) އިގްތިސާދީ ގޮތުންނާއި އިޖްތިމާއީގޮތުން، ރާއްޖެ ކުރިއަށް ގެންދިއުމަށްޓަކައި ކުރަންޖެހޭ ކަންކަމާމެދު ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުން.

(ނ) ދައުލަތުގެ އަހަރީ ބަޖެޓް ތައްޔާރު ކުރުމުގައްޔާއި، ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާ ބިލްތައް ތައްޔާރު ކުރުމުގައި ރައީސުލްޖުމްހޫރިއްޔާއަށް އެހީވުން.

(ރ) ދިވެހި ސަރުކާރާ ބޭރު ގައުމުތަކުގެ ސަރުކާރުތަކާ ދެމެދު ސޮއިކުރެވޭ އެއްބަސްވުންތަކާއި، ބައިނަލްއަގްވާމީ އެއްބަސްވުންތަކުގެ ތެރެއިން ދައުލަތުގެ ފަރާތުން ތަސްދީގު ކުރަންޖެހޭ އެއްބަސްވުންތައް ތަސްދީގުކުރުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުން.

 

59 ވަނަ މާއްދާ - ވަޒީރުން އެމީހުންގެ ވާޖިބުތައް އަދާކުރުމާއި މަސްއޫލިއްޔަތު އުފުލުމާއި ރައީސުލްޖުމްހޫރިއްޔާއަށް ޖަވާބުދާރީވުން

ކޮންމެ ވަޒީރަކުމެ، އެމީހަކާ ހަވާލުކުރެވޭ ވުޒާރާގެ ކަންތައްތައް، ތެދުވެރިކަމާއެކު، އެމީހަކަށް ކުޅަދާނަކަން ލިބިގެންވީ އެންމެމަތީ މިންވަރަކަށް ކުރަންވާނެއެވެ. އަދި އެވަޒީރަކު ކުރަންޖެހޭ ކަންކަމުގެ މަސްއޫލިއްޔަތު އުފުލައި، އެކަންކަމާމެދު ރައީސުލްޖުމްހޫރިއްޔާއަށް ޖަވާބުދާރީ ވާންވާނެއެވެ. އަދި އެވަޒީރެއްގެ އިހުމާލުން ދައުލަތަށް ގެއްލުމެއް ލިބިއްޖެނަމަ، އެކަމުގެ މަސްއޫލިއްޔަތު އޭނާ އުފުލަން ޖެހޭނެއެވެ.

 

60 ވަނަ މާއްދާ - ބަންޑާރަނާއިބު

  1. ދިވެހިރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާ އިސްކުރާ ބަންޑާރަނާއިބަކު ހުންނަންވާނެއެވެ.
  2.  ރައީސުލްޖުމްހޫރިއްޔާ ބަންޑާރަނާއިބާ ހަވާލުކުރާ ކަންތައްތައް، ތެދުވެރިކަމާއެކު، އޭނާއަށް ކުޅަދާނަކަން ލިބިގެންވީ އެންމެމަތީ މިންވަރަކަށް އަދާކުރަން ވާނެއެވެ. އަދި އޭނާ ކުރަންޖެހޭ ކަންކަމުގެ މަސްއޫލިއްޔަތު އުފުލައި، އެކަންކަމާމެދު ރައީސުލްޖުމްހޫރިއްޔާއަށް ޖަވާބުދާރީ ވާންވާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް ބޭނުންވެއްޖެ ހިނދެއްގައި ގާނޫނީ މަށްވަރާ ދޭންވާނެއެވެ.
  3. ދިވެހިރާއްޖޭގެ އެންމެހާ ފަނޑިޔާރުގެތަކަށާއި ށަރީއަތުގެ މަޖިލިސް ތަކަށް ހާޒިރުވެ އެތަންތާނގައި، ދައުލަތުގެ ފަރާތުން ވާހަކަ ދައްކާނީ، ބަންޑާރަނާއިބު ނުވަތަ އޭނާ ފޮނުވާ މީހެކެވެ.

 

61 ވަނަ މާއްދާ - ވަަޒީރުންނާއި ބަންޑާރަނާއިބު މަގާމުން ވަކިކުރުމާއި އިސްތިއުފާދިނުން

  1. ރައީސުލްޖުމްހޫރިއްޔާއަށް ފެނިއްޖެހިނދެއްގައި އޭނާ ފޮނުވާ ލިޔުމަކުން، ވަޒީރުންނާއި ބަންޑާރަނާއިބު، އެމީހުންގެ މަގާމުން ވަކިކުރެވި ދާނެއެވެ.
  2. ކޮންމެ ވަޒީރަކުވެސް، އަދި ބަންޑާރަނާއިބުވެސް، އެމީހެއްގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، އެމީހަކު ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާ ލިޔުމަކުން އިސްތިއުފާ ދެވިދާނެއެވެ. އެކަމަކު، ރައީސުލްޖުމްހޫރިއްޔާ އެމީހެއްގެ އިސްތިއުފާ ގަބޫލުކުރިކަން އަންގަންދެން، އެވަޒީރަކު ނުވަތަ ބަންޑާރަނާއިބު، އެމީހެއްގެ މަގާމުގެ ވާޖިބުތައް އަދާކުރުންމަތީ ދެމިހުންނަންވާނެއެވެ.
  3. ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ކެނޑިއްޖެކަމަށް، މި ގާނޫނުއަސާސީގެ 82 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިނަމަ، އެމެންބަރަކު، އެކަން ރައީސުލްޖުމްހޫރިއްޔާއަށް އެންގުމާއެކު، އެމީހެއްގެ މަގާމުން އިސްތިއުފާ ދޭންވާނެއެވެ.

 

62 ވަނަ މާއްދާ - ވަޒީރުންގެ މަޖިލީސް ރޫޅާލުން

ވަޒީރުންގެ މަޖިލީހުގެ ވާޖިބުތައް ފުރިހަމައަށް އަދާނުކުރެވޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިއްޖެ ހިނދެއްގައި، އޭނާއަށް އެ މަޖިލީސް ރޫޅާލެވިދާނެއެވެ. ރައީސުލްޖުމްހޫރިއްޔާ އެ މަޖިލިސް ރޫޅާލުމާއެކު، ސަބަބު ބަޔާންކޮށް، އެކަން ރައްޔިތުންގެ މަޖިލީހަށް އަންގަން ވާނެއެވެ. އަދި ވީއެންމެ އަވަސް ފުރްސަތެއްގެ ތެރޭގައި، އާ ވަޒީރުންގެ މަޖިލީހެއް އައްޔަންކުރަން ވާނެއެވެ.

 

ފަސްވަނަ ބާބު

ގާނޫނު ހަދާ ފަރާތް (1) 

ރައްޔިތުންގެ މަޖިލީސް

63 ވަނަ މާއްދާ - ރައްޔިތުންގެ މަޖިލިސް

 ދިވެހިރާއްޖޭގައި ގާނޫނުއަސާސީއާއި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އިންތިހާބުކުރާ ރައްޔިތުންގެ މަޖިލީހެއް އޮންނަން ވާނެއެވެ. ގާނޫނުއަސާސީ ފިޔަވައި އެހެން ގާނޫނުތައް ހެދުމުގެ ބާރު ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށެވެ. 

 

64 ވަނަ މާއްދާ - ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވާގޮތް

 ރަައްޔިތުންގެ މަޖިލިސް އެކުލެވިގެންވާނީ، ފަންސާސް މެންބަރުންގެ މައްޗަށެވެ. އެމެންބަރުންނަކީ، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ އަށްމެންބަރުންނާއި، މާލޭން އިންތިހާބު ކުރެވޭ ދެމެންބަރުންނާއި، ރާއްޖޭގެ ކޮންމެ އަތޮޅަކުން އިންތިހާބުކުރެވޭ ދެމެންބަރުންނެވެ.

 

65 ވަނަ މާއްދާ -  ރައްޔިތުންގެ މަޖިލީހުގެ އުމުރު

ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ، މަޖިލިސް އިންތިހާބު ވުމަށްފަހުބާއްވާ، ފުރަތަމަކުރާ ޖަލްސާގެ ތާރީހުން ފެށިގެން ފަސްއަހަރު ދުވަހެވެ. މި މުއްދަތު ހަމަވުމުން، މަޖިލިސް ރޫޅުނީއެވެ. އުމުރު ހަމަވެގެން މަޖިލިސް ރޫޅުމާއެކު، އަލަށް އިންތިހާބުވާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ވާނެއެވެ. 

 

66 ވަނަ މާއްދާ - ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގައި ހުރުން ލާޒިމުވާ ސިފަތައް

ރަައްޔިތުންގެ މަޖިލީހުގެ މެންބަރުންގައި، ތިރީގައިމިވާ ސިފަތައް ހުންނަންވާނެއެވެ.

(ހ) މުސްލިމަކު ކަމުގައިވުން.

(ށ) ދިވެހިރައްޔިތަކު ކަމުގައިވުން.

(ނ) އުމުރުން ފަންސަވީސް އަހަރު ވެފައިވުން.

(ރ) ބުއްދި ހަމައަށްހުރި މީހަކު ކަމުގައިވުން.

(ބ) އަރަބި އަކުރާއި ތާނައަކުރާއި ހިސާބު އަކުރު ލިޔަންކިޔަން ދަންނަ މީހަކު ކަމުގައިވުން.

(ޅ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ކުރިކަން، ވޭތުވެދިޔަ ފަސްއަހަރު ދުވަހުގެ ތެރޭގައި ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(ކ) ބޭރުގައުމެއްގެ ރައްޔިތެއްކަމުގައި ނުވުން.

 

67 ވަނަ މާއްދާ - ރަައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާ ހަވާލުވުން

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ހޮވޭމީހުންނަށް މެންބަރު ކަމުގެ ގޮޑީގައި އިށީނދެވޭނީ، ރައީސުލްޖުމްހޫރިއްޔާގެ ކުރިމަތީގައި، މި ގާނޫނުއަސާސީގެ ޖަދުވަލުގެ (ބ) ގައިވާ ހުވާ ކުރުމުންނެވެ. 

 

68 ވަނަ މާއްދާ - ރައްޔިތުންގެ މަޖިލީހުގެ ރައީސް

  1. ރައްޔިތުންގެ މަޖިލީހުގެ ރައީސް އައްޔަންކޮށް، ވަކިކުރާނީ، ރައީސުލްޖުމްހޫރިއްޔާއެވެ.
  2. މި ގާނޫނުއަސާސީގެ 65 ވަނަ މާއްދާގައިވާ ގޮތުގެމަތިން، އަލަށް އިންތިހާބުވާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބޭއްވުމުގެ ހަތްދުވަސް ކުރިން، ނުވަތަ މަޖިލީހުގެ ރައީސްގެ މަގާމު ހުސްވެއްޖެނަމަ އެމަގާމު ހުސްވި ދުވަހަކުން ފެށިގެން ހަތްދުވަހުގެ ތެރޭގައި، މަޖިލީހަށް ރައީސަކު އައްޔަންކުރަން ވާނެއެވެ.
  3. ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ، އެ މަޖިލީހުގެ މެންބަރުންގެ ތެރޭގައި ނުހިމެނޭ މީހެކެވެ. އޭނާއަކީ، ވަޒީރުންގައި ހުރުން ލާޒިމު ސިފަތައްހުރި، އަދި ރައީސުލްޖުމްހޫރިއްޔާގެ ނަޒަރުގައި އެމަގާމުގެ ވާޖިބުތައް އަދާކުރެވޭފަދަ ލަޔާގަތެއްހުރި މީހަކު ކަމުގައި ވާންވާނެއެވެ.
  4. ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެމަގާމު ފުރަން ފެށޭނީ، ރައީސުލްޖުމްހޫރިއްޔާގެ ކުރިމަތީގައި، މި ގާނޫނުއަސާސީގެ ޖަދުވަލުގެ (ޅ) ގައިވާ ހުވާ ކުރުމުންނެވެ.

 

69 ވަނަ މާއްދާ - ރަައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވާޖިބުތައް

  1. ރައްޔިތުންގެ މަޖިލީހުގެ އެންމެހާ ކަންތައް ހިންގައި، މި ގާނޫނުއަސާސީގެ 72 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލިސް އާދަވެގެން އެއްވާ ދައުރުގެ ޖަލްސާތަކާއި ރައީސުލްޖުމްހޫރިއްޔާ އަންގައިގެން ބާއްވާ ހާއްސަ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓައި، މަޖިލީހުން ފާސްވާ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސެވެ.
  2. މި ގާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (1) ގައިވާ ހާލަތުގައި، ރައީސުލްޖުމްހޫރިއްޔާގެ ގާއިމުމަގާމެއްގެގޮތުން ކަންހިންގައި، އެމާއްދާގެ (2) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލިސް އެއްކޮށް، ދައުލަތް ހިންގާ މަޖިލީހެއް އިންތިހާބު ކުރުމުގެ އެންމެހާ ކަންތައް ހިންގައި، ދައުލަތް ހިންގުން އެމަޖިލީހާ ހަވާލާކުރާނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސެވެ. 

 

70 ވަނަ މާއްދާ - ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް

  1. ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް އައްޔަންކޮށް، ވަކިކުރާނީ، ރައީސުލްޖުމްހޫރިއްޔާއެވެ.
  2. މި ގާނޫނުއަސާސީގެ 65 ވަނަ މައްދާގައިވާ ގޮތުގެމަތިން، އަލަށް އިންތިހާބުވާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބޭއްވުމުގެ ކުރިން، ނުވަތަ މަޖިލީހުގެ ނާއިބުރައީސްގެ މަގާމު ހުސްވެއްޖެނަމަ އެމަގާމު ހުސްވި ދުވަހަކުން ފެށިގެން ހަތްދުވަހުގެ ތެރޭގައި، މަޖިލީހަށް ނާއިބުރައީސަކު އައްޔަންކުރަން ވާނެއެވެ.
  3. ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް އައްޔަން ކުރަންވާނީ، އެމަޖިލީހުގެ މެންބަރުންގެ ތެރެއިންނެވެ. އޭނާއަކީ، ރައީސުލްޖުމްހޫރިއްޔާގެ ނަޒަރުގައި އެމަގާމުގެ ވާޖިބުތައް އަދާކުރެވޭފަދަ ލަޔާގަތެއްހުރި މީހަކު ކަމުގައި ވާންވާނެއެވެ.
  4. ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސަށް އެމަގާމު ފުރަން ފެށޭނީ، ރައީސުލްޖުމްހޫރިއްޔާގެ ކުރިމަތީގައި މި ގާނޫނުއަސާސީގެ ޖަދުވަލުގެ (ޅ) ގައިވާ ހުވާ ކުރުމުންނެވެ. 

 

71 ވަނަ މާއްދާ - ރަައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސްގެ ވާޖިބުތައް

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވާޖިބުތައް އަދާކުރުމުގައި، މަޖިލީހުގެ ނާއިބުރައީސް އޭނާއަށް އެހީތެރިވާންވާނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު ހުސްވެއްޖެ ހިނދެއްގައި، ނުވަތަ މަޖިލީހުގެ ރައީސް އޭނާގެ މަގާމުގެ ވާޖިބުތައް އަދާކުރުމަށް އުޒުރުވެރިވެއްޖެ ހިނދެއްގައި، ގާނޫނުއަސާސީގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، ވަގުތީގޮތުން އެމަގާމުގެ ވާޖިބުތައް އަދާކުރާނީ، މަޖިލީހުގެ ނާއިބުރައީސެވެ. 

 

72 ވަނަ މާއްދާ - ރަައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް

  1. ރަައްޔިތުންގެ މަޖިލިސް އާދަވެގެން އެއްވާ ތިންދައުރު، އަހަރު ދުވަހުގެ ތެރޭގައި އަންނަންވާނެއެވެ. މިދައުރުތައް ފެށޭ ތާރީހުއާއި ނިމޭ ތާރީހު ކަނޑައަޅާނީ، މަޖިލީހުގެ ރައީސެވެ. މިއިން ކޮންމެ ދައުރަކަށްވެސް މަޖިލިސް އެއްކުރުމުގެ ކުރީގަޔާއި ދައުރު ނިމުމާ ވިދިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސުލްޖުމްހޫރިއްޔާއަށް އަންގަން ވާނެއެވެ. ރައްޔިތުންގެ މަޖިލިސް އާދަވެގެން އެއްވާ ދައުރުގެ ޖަލްސާތަކުގެ އިތުރަށް، މަޖިލީހުގެ ހާއްސަ ޖަލްސާއެއް ބޭއްވޭނީ، ރައީސުލްޖުމްހޫރިއްޔާގެ އެންގުމަކަށެވެ.
  2. މިމާއްދާގެ (1) ގައި ބަޔާންކޮށްފައިވާ ޖަލްސާތަކާއި، މި ގާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (2) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެއްކުރާ އެއްކުރުން ފިޔަވައި، މަޖިލީހުގެ އެހެން ކޮންމެ އެއްވުމެއްވާނީ، ބާތިލު އެއްވުމަކަށެވެ. އަދި އެފަދަ އެއްވުމެއްގައި ފާސްކުރާ ކޮންމެ ފާސްކުރުމެއްވެސް، ވާނީ ބާތިލު އެއްޗަކަށެވެ. 

 

73 ވަނަ މާއްދާ - ގާނޫނީ އަދަދު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް، ކުރެވޭނީ ޖަލްސާގެ ގާނޫނީ އަދަދު ހަމަވެގެންނެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ގާނޫނީ އަދަދު ހަމަވާނީ، މަދުވެގެން މަޖިލީހުގެ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރު ވުމުންނެވެ. 

 

74 ވަނަ މާއްދާ - ރަައްޔިތުންގެ މަޖިލީހުން ކަމެއް ފާސްކުރުން

މި ގާނޫނުއަސާސީގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަގުްލަބިއްޔަތުން ފާސްކުރަންޖެހޭ ކަންތައްތައް ފިޔަވައި އެހެން ކަންތައްތައް މަޖިލީހުން ފާސްވާނީ، މަޖިލީހުގެ އަގުްލަބިއްޔަތުންނެވެ. މަޖިލީހުގެ އަގުްލަބިއްޔަތުން ކަމެއް ފާސްވެއްޖެކަމަށް ބެލޭނީ، ސައްބީސް ވޯޓު ލިބިގެންނެވެ. މަޖިލީހުގެ ތިންބައިކުޅަދެބައިގެ އަގުްލަބިއްޔަތުން ފާސްކުރަންޖެހޭ ކަމެއް ފާސްވެއްޖެކަމަށް ބެލޭނީ، ތިރީސްހަތަރު ވޯޓު ލިބިގެންނެވެ.

 

75 ވަނަ މާއްދާ - ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމާއި މަޖިލީހުގައި ވާހަކަ ދެއްކުން

ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމާއި އެމަޖިލީހުގައި ވާހަކަ ދެއްކުމުގެ ހައްގު، ރައީސުލްޖުމްހޫރިއްޔާއަށާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިގެންވެއެވެ. ނަމަވެސް، މަޖިލީހުގައި ވޯޓުދިނުމުގެ ހައްގު އޮންނާނީ، މަޖިލީހުގެ މެންބަރަކު ކަމުގައި ވާނަމައެވެ.

 

76 ވަނަ މާއްދާ - ޓެކްސްނެގޭނީ ރައްޔިތުންގެ މަޖިލީހުން ވެގެން

ރަައްޔިތުންގެ މަޖިލީހުން ފާސްވާ ގާނޫނަކުން މެނުވީ، އެއްވެސް ޓެކްސެއް ނުނެގޭނެއެވެ.

 

77 ވަނަ މާއްދާ - ރާާއްޖެއިން ބޭރުގެ ފަރާތަކަށް ރާއްޖޭގެ ސަރަހައްދުގެ އެއްވެސްބައެއް، މިލްކުކޮށް ނުދިނުމާއި، ރައްޔިތުންގެ މަޖިލީހުން ފާސްވެގެން ނުވަތަ ގާނޫނުގައިވާ ގޮތެއްގެ މަތިން މެނުވީ، ސަރަހައްދުގެ އެއްވެސް ބައެއް، ބޭނުންކުރުމުގެ ހުއްދަ ބޭރުގެ ފަރާތަކަށް ނުދިނުން

  1. ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސްބައެއް، ރާއްޖެއިން ބޭރުގެ އެއްވެސްފަރާތަކަށް މިލްކުކޮށެއް ނުދެވޭނެއެވެ.
  2. ރައްޔިތުންގެ މަޖިލީހުން ފާސްވެގެން މެނުވީ، ރާއްޖެއިންބޭރުގެ އެއްވެސްފަރާތަކަށް ރާއްޖޭގެ ސަރަހައްދުގެ އެއްވެސްބައެއް، ފަންސަވީސް އަހަރަށްވުރެއް ދިގުމުއްދަތަކަށް، ކުއްޔަށް، ނުވަތަ އެހެން ގޮތަކަށްވިޔަސް ނުދެވޭނެއެވެ.
  3. ރައްޔިތުންގެ މަޖިލީހުން ފާސްވެގެން މެނުވީ، ރާއްޖެއިންބޭރުގެ ފަރާތަކަށް ރާއްޖޭގެ ސަރަހައްދުގެ އެއްވެސްބައެއް އަސްކަރީ ބޭނުމަކަށް، އެއްވެސް މުއްދަތަކަށް ނުދެވޭނެއެވެ.
  4. ގާނޫނުގައިވާ ގޮތެއްގެމަތިން މެނުވީ، އިގްތިސާދީ ފައިދާއެއް ހޯދުމަށް ބޭރުގެ ފަރާތަކަށް ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ އެއްވެސްބައެއް، ބޭނުންކުރުމުގެ ހުއްދައެއް ނުދެވޭނެއެވެ. 

 

78 ވަނަ މާއްދާ - އަހަރީ ބަޖެޓް

ކޮޮންމެ މާލީ އަހަރެއް ފެށުމުގެ ކުރިން، އެއަހަރަކަށް ދައުލަތުން ހިނގާނެކަމަށް ލަފާކުރި އަރަދާއި، ދައުލަތަށް ލިބޭނެކަމަށް ލަފާކުރާ އެއްޗެއްގެ ހިސާބާއި، އަދި ވޭތުވެދިޔަ މާލީއަހަރު ދައުލަތުން ހިނގި ހަރަދާއި، ދައުލަތަށް ލިބުނު އެއްޗެއްގެ ހިސާބު، މިނިސްޓަރ އޮފް ފިނޭންސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، ރައްޔިތުންގެ މަޖިލީހުން ބަޖެޓް ފާސްކުރަންވާނެއެވެ. 

 

79 ވަނަ މާއްދާ - ބިލް ތަސްދީގުކުރުމާއި ތަސްދީގުނުކޮށް އަލުން ވިސްނުމަށް އަނބުރާ ފޮނުވުން

  1. ރައްޔިތުންގެ މަޖިލީހުން ފާސްވާބިލް، އެބިލެއް ފާސްވާތާ ހަތްދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވަންވާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް އެ ބިލް ލިބޭތާ ތިރީސްދުވަހުގެ ތެރޭގައި، ބިލް ތަސްދީގުކުރަން ވާނެއެވެ. ނުވަތަ އެބިލާމެދު އަލުން ވިސްނުމަށް، ނުވަތަ އެބިލަށް ރައީސުލްޖުމްހޫރިއްޔާއަށް ގެންނަން ފެންނަ އިސްލާހަކާ މެދު ވިސްނުމަށް، އެމުއްދަތުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް އެ ބިލް އަނބުރާ ފޮނުވަން ވާނެއެވެ.
  2. މި މާއްދާގެ (1) ގައިވާ ގޮތުގެމަތިން، އަލުން ވިސްނުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވާ ބިލާމެދު އަލުން ވިސްނުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުގެ ތިންބައިކުޅަދެބައިގެ އަގުްލަބިއްޔަތުން ފާސްވެއްޖެނަމަ، އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރަންވާނެއެވެ. މަޖިލީހުގެ ތިންބައިކުޅަދެބައިގެ އަގުްލަބިއްޔަތުން ފާސްނުވިނަމަ، އެ ބިލެއް ބާތިލުވީއެވެ.
  3. ރައްޔިތުންގެ މަޖިލީހުން ފާސްވެގެން ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރުމަށް ފޮނުވޭ ބިލެއް ތަސްދީގު ނުކޮށް، އަދި އަލުން އެމައްޗައް ވިސްނުމަށް އަނބުރާ ނުފޮނުވައި ތިރީސްދުވަސް ހަމަވެއްޖެނަމަ، އެ ބިލެއް ތަސްދީގު ކުރެވުނީކަމަށް ބެލޭނެއެވެ.

 

80 ވަނަ މާއްދާ - ބިލް ގާނޫނުކަމަށްވުމާއި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރުން

ރައްޔިތުންގެ މަޖިލީހުން ފާސްވާ ބިލް ގާނޫނަކަށްވެ، އެމައްޗައް ކަންހިންގޭނީ، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް، އެގާނޫނެއް ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރުމުންނެވެ.

 

81 ވަނަ މާއްދާ - ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަޒީރުންނާ ސުވާލުކުރުން

  1. ވަޒީރުންގެ މަޖިލީހުގެ ކޮންމެ މެންބަރަކީ، އަދި ކޮންމެ ވަޒީރަކީ، އެމީހަކު ރަސްމީގޮތުން ކުރާ ނުވަތަ ހިންގާ ކަމަކާމެދު ރައްޔިތުންގެ މަޖިލީހުގައި ސުވާލުވެވިދާނެ މީހެކެވެ.
  2. ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ނުވަތަ ވަޒީރަކު، ކުރާ ނުވަތަ ހިންގާ އަމިއްލަ ކަމަކާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ސުވާލުކުރެވޭނީ، އެކަމަކީ ގާނޫނާ އިލާފު ކަމެއްކަމަށް ތުހުމަތު ކުރެވޭނަމައެވެ. ނުވަތަ އެކަމަކީ ސަރުކާރަށް، ނުވަތަ ރައްޔިތުންނަށް، ގެއްލުމެއް ލިބޭފަދަ ކަމަކަށް ވާނަމައެވެ.
  3. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަޒީރުންގެ މަޖިލީހުގެ މެންބަރަކާ ނުވަތަ ވަޒީރަކާ ކުރާ ސުވާލު ކުރަންވާނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މެދުވެރިކޮށް، ލިޔުމަކުން އެސުވާލުގެ ނޯޓިސް ފޮނުވައި، ސާދަދުވަހުގެ މުއްދަތު ދިނުމަށްފަހު، މަޖިލީހުގެ ޖަލްސާ އެއްގައެވެ. އަދި އެކަމާ ބެހޭގޮތުން ގާނޫނުގައިވާ ގޮތުގެމަތިން މަޖިލީހުގެ މެންބަރުންނަށް، މަޖިލީހުގެ ޖަލްސާއެއްގައި އަނގަބަހުން އިތުރު ސުވާލު ކުރެވިދާނެއެވެ.
  4. މި މާއްދާގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރާ ސުވާލަށް، އެ ސުވާލު ވެވުނުމީހާ ގާނޫނުގައިވާ ގޮތުގެމަތިން ޖަވާބުދޭން ވާނެއެވެ.

 

82 ވަނަ މާއްދާ - ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ކެނޑިއްޖެކަމުގެ ވޯޓުނެގުން

ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން މަދުވެގެން ދިހަމެންބަރުން، ސަބަބު ބަޔާންކޮށް، މަޖިލީހުގެ ރައީސަށް ލިޔުމަކުން ފޮނުވުމުންނެވެ. މިފަދަ މައްސަލައަކާމެދު މަޖިލީހުގައި ބަހުސު ކުރެވޭނީ، ވަޒީރުންގެ މަޖިލީހުގެ އެމެންބަރަކަށް އެކަން އަންގައި، ސާދަ ދުވަހުގެ މުއްދަތު ދިނުމަށްފަހު، އޭނާ ލިޔުމަކުންދޭ ބަޔާނަކާއެކު މައްސަލަ މަޖިލީހަށް ހުށަހެޅުމުންނެވެ. ރައްޔިތުންގެ މަޖިލީހުގައި، ވަޒީރުންގެ މަޖިލީހުގެ އެމެންބަރެއްގެ އިތުބާރު ކެނޑިއްޖެކަމަށް ބެލޭނީ، މަޖިލީހުގެ ތިންބައިކުޅަދެބައިގެ އަގުްލަބިއްޔަތުން ފާސްވެގެންނެވެ. މި މައްސަލައިގައި ބަހުސުކުރެވޭ ޖަލްސާގައި، ވަޒީރުންގެ މަޖިލީހުގެ އެ މެންބަރަކަށް، އޭނާގެ އަމިއްލަ ދިފާއުގައި ވާހަކަ ދެއްކުމުގެ ހައްގު ލިބިގެންވެއެވެ.

 

83 ވަނަ މާއްދާ - ރައްޔިތުންގެ މަޖިލީހަށް ލިބޭ އިމްތިޔާޒު

މި ގާނޫނުއަސާސީއާ އިލާފުނުވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުން ނިންމާ ކަމެއްގެ ސައްހަ ކަމާމެދު، އެއްވެސް ފަނޑިޔާރުގެއަކުން، ނުވަތަ ގާނޫނީބާރު ލިބިފައިވާ އެހެން ފަރާތަކުންވިޔަސް، ސުވާލެއް ނުކުރެވޭނެއެވެ.

 

84 ވަނަ މާއްދާ - ރައްޔިތުންގެ މަޖިލީހުގެ މެނަބަރުންނަށް ދެވޭ ހިމާޔަތް

ރައްޔިތުންގެ މަޖިލީހުގެ ގާނޫނީ ޖަލްސާއެއްގައި، ނުވަތަ މަޖިލީހުގެ ފަރާތުން ހޮވާފައިވާ ކޮމިޓީއެއްގެ ޖަލްސާ އެއްގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، އިސްލާމްދީނުގެ އިއަސްލުތަކާ ލާފުނުވާ ގޮތުގެމަތިން ފާޅުކުރާ ހިޔާލެއްގެ ސަބަބުން، ނުވަތަ ދައްކާ ވާހަކައެއްގެ ސަބަބުން، ނުވަތަ ވޯޓު ދިނުމުގައި އަމަލުކުރާ ގޮތަކުން، ކުށްވެރިއެއް ނުކުރެވޭނެއެވެ.

 

85 ވަނަ މާއްދާ - ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނާއިބުރައީސް އިސްތިއުފާ ދިނުން

  1. ރައްޔިތުންގެ މަޖިލީހުގެ ރައީސް އޭނާގެ މަގާމުން އިސްތިއުފާ ދޭންބޭނުންވެއްޖެނަމަ، އޭނާ ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާ ލިޔުމަކުން އިސްތިއުފާ ދެވިދާނެއެވެ. އެކަމަކު، ރައީސުލްޖުމްހޫރިއްޔާ އޭނާގެ އިސްތިއުފާ ގަބޫލު ކުރިކަން އަންގަންދެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޭނާގެ މަގާމުގެ ވާޖިބުތައް އަދާކުރުންމަތީ ދެމިހުންނަން ވާނެއެވެ.
  2. ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް އޭނާގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، އޭނާ ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާ ލިޔުމަކުން އިސްތިއުފާ ދެވިދާނެއެވެ. އެކަމަކު، ރައީސުލްޖުމްހޫރިއްޔާ އޭނާގެ އިސްތިއުފާ ގަބޫލުކުރިކަން އަންގަންދެން، ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް، އޭނާގެ މަގާމުގެ ވާޖިބުތައް އަދާކުރުންމަތީ ދެމިހުންނަން ވާނެއެވެ.

 

86 ވަނަ މާއްދާ - މެންބަރުކަމުގެ ގޮނޑި ހުސްވުން

  1. ރަައްޔިތުންގެ މަޖިލީހުގެ މެންބަރަކު އިސްތިއުފާދޭން ބޭނުން ވެއްޖެނަމަ، އެ މެންބަރަކު މަޖިލީހުގެ ރައީސަށް ފޮނުވާ ލިޔުމަކުން، އިސްތިއުފާ ދެވިދާނެއެވެ. އިސްތިއުފާ ދިނުމުން، އެ މެންބަރެއްގެ ގޮނޑި ހުސްވީއެވެ.

  2. (ހ) ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަޖިލީހުގެ ރައީސްގެ ހުއްދައާ ނުލައި، ވިދިވިދިގެން ދެދައުރަށް ހާޒިރު ނުވެއްޖެނަމަ، އެމެންބަރެއްގެ ގޮނޑި ހުސްވީކަމަށް ބެލޭނެއެވެ.

    (ށ) ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މައްޗައް ށަރީއަތުން ކަނޑައަޅާ ހުކުމެއް ތަންފީޒުކުރުމުގެ ގޮތުން ކުރެވޭ ބަންދެއްގެ މުއްދަތަކީ، ވިދިވިދިގެން ދެދައުރަށް އެ މެންބަރަކަށް މަޖިލީހުގެ ޖަލްސާއަށް ހާޒިރުނުވެވޭފަދަ މުއްދަތެއްނަމަ، އެގަޒިއްޔާއެއް އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަނާޅައި، ގަޒިއްޔާއެއް އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހަޅަން އޮންނަ މުއްދަތު ފާއިތުވެއްޖެނަމަ، ނުވަތަ އެ ހުކުމަކަށް ހައިކޯޓުން ތާއީދު ކޮށްފިނަމަ، އެ މެންބަރެއްގެ ގޮނޑި ހުސްވީކަމަށް ބެލޭނެއެވެ.

    (ނ) ށަރީއަތުން ކަނޑައަޅާ ހުކުމެއް ތަންފީޒުކުރުމުގެ ގޮތުން ނޫންގޮތަކަށް ކުރެވޭ ބަންދެއްގެ ސަބަބުން،މަޖިލީހުގެ މެންބަރެއްގެ ގޮނޑި ހުސްވީ ކަމަކަށް ނުބެލޭނެއެވެ.

  3. (ހ) ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަރުވެއްޖެނަމަ، ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ކިބައިގައި ހުރުން ލާޒިމުވާ ސިފަތަކުގެ ތެރެއިން ސިފައެއް އުނިވެއްޖެނަމަ، އެ މެންބަރެއްގެ ގޮނޑި ހުސްވީކަމަށް ބެލޭނެއެވެ.

    (ށ) ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ކިބައިގައި ހުރުން ލާޒިމުވާ ސިފަތަކުގެތެރެއިން ސިފައެއް އުނިވެއްޖެކަމަށް ބެލޭނީ، އެމައްސަލައެއް، ދައުލަތުން ހައިކޯޓަށް ހުށަހަޅައި، އެ މެންބަރެއްގެ ކިބައިން އެ ސިފައެއް އުނިވެއްޖެކަމަށް ހައިކޯޓުން ހުކުމް ކުރުމުންނެވެ.
  4. ރައީސުލްޖުމްހޫރިއްޔާ އައްޔަން ކޮށްފައިވާ މެންބަރަކު، ރައީސުލްޖުމްހޫރިއްޔާއަށް ފެނިގެން ވަކިކޮށްފި ހިނދެއްގައި، އެ މެންބަރެއްގެ ގޮނޑި ހުސްވީއެވެ. 

 

87 ވަނަ މާއްދާ - ރައްޔިތުންގެ މަޖިލީހުން ހުސްވާ ގޮނޑި ފުރުން

ރަައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވުމުގެ ކުރިން މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެނަމަ، އެގޮނޑި ހުސްވިތާ ފަސްދޮޅަސް ދުވަހުގެ ތެރޭގައި، ގާނޫނުގައިވާ ގޮތުގެމަތިން އެގޮނޑިއަށް އަލުން މެންބަރަކު އިންތިހާބު ކުރަންވާނެއެވެ. ހުސްވި ގޮނޑިއަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކޮށްފައިވާ މެންބަރެއްގެ ގޮނޑިނަމަ، އެގޮނޑި ހުސްވިތާ ފަސްދޮޅަސް ދުވަހުގެ ތެރޭގައި އެގޮނޑިއަށް އަލުން މެންބަރަކު އައްޔަން ކުރަންވާނެއެވެ. 

 

88 ވަނަ މާއްދާ - މަޖލީހުގެ އުމުރު ހަމަވުމުގެ ކުރިން އާ މަޖިލިސް އިންތި ބުކުރުން

ރަައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވުމުގެ ތިރީސްދުވަސް ކުރިން، އާ މަޖިލީހުގެ މެންބަރުން ގާނޫނުގައިވާ ގޮތުގެމަތިން އިންތިހާބުކޮށް، އިންތިހާބާބެހޭ ހުރިހާ ކަމެއް ނިންމަންވާނެއެވެ.

 

89 ވަނަ މާއްދާ - ރައްޔިތުންގެ މަޖިލީހުގެ އުމުރު އިތުރުކުރުން

ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވާއިރަށް، މި ގާނޫނުއަސާސީގެ 144 ވަނަ މާއްދާގައި ބަޔާންވެގެންވާ ކުއްލި ނުރައްކަލުގެ ހާލަތު މެދުވެރިވެގެން، މި ގާނޫނުއަސާސީގައިވާ ގޮތުގެމަތިން އާ މަޖިލީހެއް އިންތިހާބުކުރެވެން ނެތިއްޖެނަމަ، ރައީސުލްޖުމްހޫރިއްޔާ އޭރުއޮތް މަޖިލީހަށް ފޮނުވާ ރަސްމީ ލިޔުމަކުން، އެ މަޖިލީހުގެ އުމުރު ވަކި މުއްދަތަކަށް އިތުރުކުރުމުގެ އިހްތިޔާރު އޭނާއަށް ލިބިގެންވެއެވެ. މަޖިލީހުގެ އުމުރު އިތުރުކުރުމަށް ފޮނުވާ ލިޔުމުގައި އުމުރު އިތުރުކުރާ މުއްދަތު ކަނޑައަޅައި ބަޔާންކުރަން ވާނެއެވެ. މިގޮތުން މަޖިލީހުގެ އުމުރު އިތުރުކުރެވޭނީ، ގިނަވެގެން އެއްއަހަރު ދުވަހަށެވެ. އިތުރުކުރެވޭ މުއްދަތު ހަމަނުވިނަމަވެސް، ކުއްލި ނުރައްކަލުގެ ހާލަތު ނިމުމުން، ލަސްވެގެން ފަސްދޮޅަސް ދުވަހުގެ ތެރޭގައި، ގާނޫނުއަސާސީގައިވާ ގޮތުގެމަތިން، އާމަޖިލީހެއް އިންތިހާބު ކުރަންވާނެއެވެ.

 

90 ވަނަ މާއްދާ - ރައްޔިތުންގެ މަޖިލީހުގެ ދައުރެއް ހިނގަމުންނުދާ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާ ވަގުތީ ގާނޫނު ހިންގުމުގެ ބާރު

  1. ރައްޔިތުންގެ މަޖިލީހުގެ ދައުރެއް ހިނގަމުންނުދާ ވަގުތެއްގައި ކުރިމަތިވާ ކަމަކާ ގުޅިގެން، އަވަސްގޮތެއްގައި ގާނޫނެއް ހަދަން ބޭނުން ވެއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިއްޖެނަމަ، ގާނޫނުއަސާސީއާ ހިލާފުނުވާ ގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާ ނެރޭ ހާއްސަ އަމުރަކުން، އެ ކުރިމަތިވި ކަމަކަށްޓަކައި ބޭނުންވާ ކަމަށް ފެނުނުކަމެއް، ވަގުތީ ގާނޫނެއްގެ ގޮތުގައި ހިންގުމުގެ ބާރު އޭނާއަށް ލިބިގެންވެއެވެ.
  2. މިގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ ނެރޭ ހާއްސަ އަމުރު އެ އަމުރެއް ނެރުމަށްފަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާއަށް ހުށަހަޅަންވާނެއެވެ. މިފަދަ ހާއްސަ އަމުރެއް ނެރޭތާ ފަސްދޮޅަސް ދުވަހުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުން އެ އަމުރު ގަބޫލުކުރަން ފާސްނުކުރާނަމަ، އެ އަމުރެއް ނެރޭތާ ފަސްދޮޅަސް ދުވަސް ހަމަވުން، އެ އަމުރަކަށް އަމަލުކުރުން ހުއްޓާލަންވާނެއެވެ. މިބުނި ފަސްދޮޅަސް ދުވަސް ހަމަވުމުގެ ކުރިންވެސް، އެ އަމުރެއް ގަބޫލު ނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިނަމަ، ހަމަ އެވަގުތުން ފެށިގެން އެ އަމުރަކަށް އަމަލުކުރުން ހުއްޓާލަންވާނެއެވެ.
  3. މި މާއްދާގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ ނެރޭ ހާއްސަ އަމުރު، އޭނާއަށް ފެނިއްޖެ ކޮންމެ ހިނދެއްގައި، އަނބުރާ ގެންދެވިދާނެއެވެ.

 

91 ވަނަ މާއްދާ - ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު

ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމަކާއި، އޭނާއަށް އެހީވެދޭނެ މުވައްޒަފުން، ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަން ވާނެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަންގާ ގޮތެއްގެ މަތިން މަޖިލީހުގެ ޖަލްސާތައްކުރުމުގެ އިންތިޒާމް ހަމަޖައްސައި، މަޖިލީހާބެހޭ ލިޔެކިޔުމުގެ ހުރިހާ ކަމެއް ބަލަހައްޓާނީ، މަޖިލީހުގެ އަމީން އާންމެވެ. ރައްޔިތުންގެ ހާއްސަ މަޖިލިސް އެއްކުރެވިއްޖެ ހިނދެއްގައި، އެމަޖިލީހުގެ މިފަދަ ކަންތައްތައް ބަލަހައްޓާނީ ވެސް އޭނާއެވެ.

 

ހަވަނަ ބާބު

ގާނޫނު ހަދާފަރާތް (2)

 

92 ރައްޔިތުންގެ ހާއްސަ މަޖިލިސް

ދިިވެހިރާއްޖޭގެ ގާނޫނު އަސާސީ ހެދުމާއި ގާނޫނު އަސާސީ އަށް އުނި އިތުރު ގެނައުމުގެ ބާރު ލިބިގެންވަނީ، ރައްޔިތުންގެ ހާއްސަ މަޖިލީހަށެވެ.

 

93 ވަނަ މާއްދާ - ރައްޔިތުންގެ ހާއްސަ މަޖިލީސް އެކުލެވިގެންވާ ގޮތް

ރަައްޔިތުންގެ ހާއްސަ މަޖިލިސް އެކުލެވިގެންވާނީ، ތިރީގައި މިވާ މީސްމީހުންގެ މައްޗަށެވެ.

(ހ) ވަޒީރުންގެ މަޖިލީހުގެ މެންބަރުން

(ށ) ރައްޔިތުންގެ މަޖިލީހުގެ މެންބަރުން

(ނ) ގާނޫނުގައިވާ ގޮތުގެ މަތިން އާންމު އިންތިހާބަކުން، މާލެއާއި އަތޮޅުތަކުން ހޮވާ މެންބަރުން. މިގޮތުން، ކޮންމެ ދާއިރާ އަކުން ހޮވާ މެންބަރުންގެ އަދަދަކީ، ރައްޔިތުންގެ މަޖިލީހަށް އެދާއިރާއަކުން ހޮވާފައިވާ މެންބަރުންގެ އަދަދާއި އެއްވަރުގެ އަދަދެކެވެ.

(ރ) ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ އަށްމެންބަރުން.

 

94 ވަނަ މާއްދާ - ރައްޔިތުންގެ ހާއްސަ މަޖިލިސް އެކުލަވާލުމާ އެއްކުރުމާއި މަޖިލިސް އުވާލުން

ރަައްޔިތުންގެ ހާއްސަ މަޖިލިސް އެއްކުރަން ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިއްޖެ ހިނދެއްގައި، ނުވަތަ ރައްޔިތުންގެ މަޖިލީހުން ރައްޔިތުންގެ ހާއްސަ މަޖިލިސް އެއްކުރުމަށް ފާސްކޮށްފި ހިނދެއްގައި، ރައްޔިތުންގެ ހާއްސަ މަޖިލިސް އެކުލަވާލުމަށް އަންގާނީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ރައީސުމްޖުމްހޫރިއްޔާ ކަނޑައަޅާ ވަގުތެއްގައި ރައްޔިތުންގެ ހާއްސަ މަޖިލިސް އެއްކޮށް، އެޖެންޑާގައިވާ ކަންތައްތައް ނިމުމުން، ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުވާ ލިޔުމަކުން، އެ މަޖިލިސް އުވާލެވޭނެއެވެ. 

 

95 ވަނަ މާއްދާ - ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުންގައި ހުރުން ލާޒިމުވާ ސިފަތައް

ރަައްޔިތުންގެ މަޖިލީހުގެ މެންބަރުންގައި ހުރުން މި ގާނޫނު އަސާސީ ލާޒިމުކުރާސިފަތައް، ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުންގައި ހުރުން ލާޒިމުވާނެއެވެ. 

 

96 ވަނަ މާއްދާ - ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރު ކަމާ ހަވާލުވުން

ރަައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުންނަށް މެންބަރުކަމުގެ މަސްއޫލިއްޔަތު އަދާކުރަންފެށޭނީ، ރައީސުލްޖުމްހޫރިއްޔާގެ ކުރިމަތީގައި މިގާނޫނު އަސާސީގެ ޖަދުވަލުގެ (ކ) ގައިވާ ހުވާ ކުރުމުންނެވެ.

 

97 ވަނަ މާއްދާ - ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސާއި ނާއިބު ރައީސް

  1. ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި، އެމަޖިލީހުގެ މެންބަރުންގެ ތެރެއިން މަޖިލީހުގެ ރައީސަކާއި ނާއިބު ރައީސެއް އިންތިހާބު ކުރަންވާނެއެވެ. މަޖިލިސް އުވުމުގެ ކުރިން، މަޖިލީހުގެ ރައީސްގެ ގޮނޑި ނުވަތަ ނާއިބު ރައީސްގެ ގޮނޑި ހުސްވެއްޖެނަމަ، އެ ހުސްވި ގޮނޑިއަކަށް އަލުން މެންބަރަކު އިންތިހާބު ކުރަންވާނެއެވެ.
  2. މި މާއްދާގެ (1) ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސަކު އިންތިހާބު ކުރެވެންދެން، ވަގުތީ ގޮތުން ފުރަތަމަ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސެވެ. މަޖިލީހުގެ ރައީސަކު އިންތިހާބު ވުމާއެކު، ވަގުތީ ރައީސް ރިޔާސަތުން ވަކިވާނެއެވެ.

 

98 ވަނަ މާއްދާ - ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސާއި ނާއިބު ރައީސް މަގާމާ ހަވާލުވުން

ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސަށާއި ނާއިބު ރައީސަށް، އެމީހެއްގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން ފެށޭނީ، ރައީސުލްޖުމްހޫރިއްޔާގެ ކުރިމަތީގައި، މި ގާނޫނު އަސާސީގެ ޖަދުވަލުގެ (އ) ގައިވާ ހުވާކުރުމުންނެވެ. 

 

99 ވަނަ މާއްދާ - ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސްގެ ވާޖިބުތައް

ރައްޔިތުންގެ ހާއްސަ މަޖިލިހުގެ އެންމެހާ ކަންތައްތައް ހިންގުމާއި، މަޖިލީހުން ނިންމަންޖެހޭ ކަންތައްތައް ނިންމުމަށްޓަކައި މަޖިލީހުގެ ޖަލްސާތައް ބާއްވައި، އެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓައި، މަޖިލީހުން ފާސްވާ ކަންތައްތައް ހަތްދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާނީ، ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސެވެ.

 

100 ވަނަ މާއްދާ - ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ނާއިބު ރައީސްގެ ވާޖިބުތައް

ރަައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސްގެ ވާޖިބުތައް އަދާކުރުމުގައި، މަޖިލީހުން ނާއިބު ރައީސް އޭނާ އަށް އެހީތެރިވާންވާނެއެވެ. އަދި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސްގެ މަގާމު ހުސްވެއްޖެ ހިނދެއްގައި، ނުވަތަ މަޖިލީހުގެ ރައީސް އޭނާގެ މަގާމުގެ ވާޖިބުތައް އަދާކުރުމަށް އުޒުރުވެރިވެއްޖެ ހިނދެއްގައި، ވަގުތީ ގޮތުން އެމަގާމުގެ ވާޖިބުތައް އަދާކުރާނީ، މަޖިލީހުގެ ނާއިބު ރައީސެވެ. 

 

 101 ވަނަ މާއްދާ - ރައްޔިތުންގެ ހާއްސަ މަޖިލީހުން ފާސްކުރަންޖެހޭ ގާނޫނުތައް

މި ގާނޫނު އަސާސީގެ މާއްދާއަކަށް ނުވަތަ ބަޔަކަށް އެއްވެސް ބަދަލެއް ނުވަތަ އުނި އިތުރެއް ގެނެވޭނީ، ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުންގެ އައްލަބިއްޔަތު ލިބޭ ވޯޓަކުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރާ ގާނޫނަކުންނެވެ.

 

102 ވަނަ މާއްދާ - ރައްޔިތުންގެ ހާއްސަ މަޖިލީހުން ފާސްކުރާ ކަންތައްތައް ތަސްދީގު ކުރުމާއި ގެޒެޓުގައި ށާއިއުކުރުން

  1. މި ގާނޫނު އަސާސީގެ 101 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ކަމެއް، ރައްޔިތުންގެ ހާއްސަ މަޖިލީހުން ފާސްކުރާތާ ހަތްދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވަން ވާނެއެވެ. އަދި މިގޮތުން ހާއްސަ މަޖިލީހުން ފޮނުވާ ކަންތައްތައް، އެކަމެއް ރައީސުލްޖުމްހޫރިއްޔާއަށް ލިބޭތާ ނުވަދިހަ ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށް ތަސްދީގު ކުރަންވާނެއެވެ. ނުވަތަ އެކަމަކާމެދު އަލުން ވިސްނުމަށް، ނުވަތަ އެކަމަކަށް ރައީސުލްޖުމްހޫރިއްޔާއަށް ގެންނަން ފެންނަ އިސްލާހަކާމެދު ވިސްނުމަށް، އެމުއްދަތުގެ ތެރޭގައި ރައްޔިތުންގެ ހާއްސަ މަޖިލީހަށް އެކަމެއް އަނބުރާ ފޮނުވަންވާނެއެވެ.
  2. މި މާއްދާގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން އަލުން ވިސްނުމަށް ރައްޔިތުންގެ ހާއްސަ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވާ ކަމަކާމެދު އަލުން ވިސްނުމަށްފަހު، ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އައްލަބިއްޔަތުން ފާސްވެއްޖެނަމަ، އެކަމެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރަންވާނެއެވެ. ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އައްލަބިއްޔަތުން ފާސްނުވިނަމަ، އެކަމެއް ބާތިލުވީއެވެ.
  3. ރައްޔިތުންގެ ހާއްސަ މަޖިލީހުން ފާސްވެގެން ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރުމަށް ފޮނުވާކަމެއް ތަސްދީގުނުކޮށް، އަދި އަލުން އެމައްޗަށް ވިސްނުމަށް އަނބުރާ ނުފޮނުވައި ނުވަދިހަ ދުވަސް ހަމަވެއްޖެނަމަ، އެކަމެއް ތަސްދީގު ކުރެވުނީކަމަށް ބެލެވޭއެވެ.
  4. ރައްޔިތުންގެ ހާއްސަ މަޖިލީހުން ފާސްކުރާކަންތައްތައް ގާނޫނަށްވެ، އެމައްޗަށް ކަން ހިންގޭނީ، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް، އެ ގާނޫނެއް ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރުމުންނެވެ.

 

103 ވަނަ މާއްދާ - ރައްޔިތުންގެ ހާއްސަ މަޖިލީހަށް ލިބޭ އިންތިޔާޒުތައް

މި ގާނޫނު އަސާސީއާ އިލާފުނުވާ ގޮތުގެ މަތިން ރައްޔިތުންގެ ހާއްސަ މަޖިލީހުން ނިންމާ ކަމެއްގެ ސައްހަކަމާމެދު، އެއްވެސް ފަނޑިޔާރުގެއަކުން، ނުވަތަ ގާނޫނީ ބާރު ލިބިފައިވާ އެހެން ފަރާތަކުން ވިޔަސް، ސުވޭލެއް ނުކުރެވޭނެއެވެ.

 

104 ވަނަ މާއްދާ - ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުންނަށް ހިމާޔަތް

ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ގާނޫނީ ޖަލްސާއެއްގައި، ނުވަތަ މަޖިލީހުގެ ފަރާތުން ހޮވާފައިވާ ކޮމިޓީއެއްގެ ޖަލްސާއެއްގައި، ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރަކު، އިސްލާމްދީނުގެ އަސްލުތަކާ އިލާނުވާ ގޮތުގެމަތިން ފާޅުކުރާ ހިޔާލެއްގެ ސަބަބުން، ނުވަތަ ދައްކާ ވާހަކައެއްގެ ސަބަބުން، ނުވަތަ ވޯޓު ދިނުމުގައި އަމަލުކުރާ ގޮތަކުން ކުށްވެރިއެއް ނުކުރެވޭނެއެވެ.

 

105 ވަނަ މާއްދާ - ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުކަމުގެ ގޮނޑި ހުސްވުމާއި ގޮނޑި ފުރުން

  1. ރައްޔިތުންގެ ހާއްސަ މަޖިލިސް އެއްކުރުމާއި އެމަޖިލިސް އުވުމާ ދެމެދު، އެމަޖިލީހުގެ މެންބަރުކަމުގެ ގޮނޑިއެއް ހުސްވާނީ، މެންބަރަކު އެމަޖިލީހުގެ ރައީސަށް ފޮނުވާ ލިޔުމަކުން އިސްތިއުފާ ދިނުމަށް، ނުވަތަ ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުން ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުން ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ހިމެނޭ މެންބަރެއްނަމަ، އެމަޖިލީހެއްގެ މެންބަރުކަމުން ވަކިވުމުން، ނުވަތަ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުންގެ ކިބައިގައި ހުރުން ލާޒިމުވާ ސިފަތަކުގެ ތެރެއިން ސިފައެއް އުނިވުމުން، ނުވަތަ އެ މެންބަރަކު މަރުވުމުންނެވެ.
  2. ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރެއްގެ ކިބައިގައި ހުރުން ލާޒިމުވާ ސިފަތަކުގެ ތެރެއިން ސިފައެއް އުނިވެއްޖެކަމަށް ބެލޭނީ، އެމައްސަލައެއް ދައުލަތުން ހައިކޯޓަށް ހުށަހަޅައި، އެ މެންބަރެއްގެ ކިބައިން އެ ސިފައެއް އުނިވެއްޖެކަމަށް ހައިކޯޓުން ހުކުމް ކުރުމުންނެވެ.
  3. ރައީސުލްޖުމްހޫރިއްޔާ އައްޔަން ކޮށްފައިވާ މެންބަރަކު، ރައީސުލްޖުމްހޫރިއްޔާ އަށް ފެނިގެން ވަކި ކޮށްފި ހިނދެއްގައި، އޭނާގެ ގޮނޑި ހުސްވީއެވެ.
  4. ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުކަމުގެ ގޮނޑިއެއް ހުސްވުމުން، އެ ގޮނޑިއަކީ ރައީސުލްޖުމްހޫރިއްޔާ މެންބަރަކު އައްޔަންކޮށްފައިވާ ގޮނޑިއެއްނަމަ، އެ ގޮނޑިއަށް އަލުން މެންބަރަކު އައްޔަން ކުރާނީއެވެ. އެ ގޮނޑިއަކީ އިންތިހާބުކޮށްފައިވާ ގޮނޑިއެއްނަމަ، އެ ގޮނޑިއަށް އަލުން މެންބަކު އައްޔަން ކުރާނީއެވެ. އެ ގޮނޑިއަކީ، އިންތިހާބުކޮށްފައިވާ މެންބަރެއްގެ ގޮނޑިއެއްނަމަ، އެގޮނޑިއަށް އަލުން މެންބަރަކު އިންތިހާބު ކުރާނީއެވެ. ނަމަވެސް، އަލުން މެންބަރަކު އައްޔަންކުރާނީ، ނުވަތަ އިންތިހާބުކުރާނީ، އެ އައްޔަންކުރާ ނުވަތަ އިންތިހާބުކުރާ މެންބަރަކަށް، ޖަލްސާތަކަށް ހާޒިރުވެވޭހާ މުއްދަތައް ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސަށް ފެނިއްޖެ ނަމައެވެ.

 

ހަތްވަނަ ބާބު

އަތޮޅުވެރިން

 

106 ވަނަ މާއްދާ - އަތޮޅުވެރިން

ދިވެހިރާއްޖޭގެ ކޮންމެ އަތޮޅެއްގައި، ރައީސުލްޖުމްހޫރިއްޔާ އިސްކުރާ އަތޮޅުވެރިއަކު ހުންނަންވާނެއެވެ.

 

107 ވަނަ މާއްދާ - އަތޮޅުވެރިންގައި ހުރުން ލާޒިމުވާ ސިފަތައް

އަަތޮޅުވެރިކަމުގެ މަގާމަށް އިސްކުރެވޭ މީހަކީ، ތިރީގައި މިވާ ސިފަތައް ހުރި މީހަކު ކަމުގައިވާންވާނެއެވެ.

(ހ) މުސްލިމަކު ކަމުގައި ވުން

(ށ) ދިވެހިރައްޔިތަކު ކަމުގައި ވުން

(ނ ) އުމުރުން ތިރީސް އަހަރުވެފައިވުން

(ރ) ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން

(ބ) އެމީހަކީ، ރައީސުލްޖުމްހޫރިއްޔާގެ ނަޒަރުގައި އަތޮޅުވެރިކަމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭ ފަދަ ލަޔާގަތު ހުރި މީހަކު ކަމުގައި ވުން.

(ޅ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ކުރިކަން، ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ށަރީއަތަށް ސާބިތުވެފައިވާ މީހަކު ނުވުންކަމުގައި.

(ކ ) ބޭރުގައުމެއްގެ ރައްޔިތެއް ކަމުގައި ނުވުން.

 

108 ވަނަ މާއްދާ -  އަތޮޅުވެރިކަމުގެ މަގާމާ ހަވާލުވުން

ކޮންމެ އަތޮޅު ވެރިއަކަށްވެސް އޭނާގެ މަގާމާ ހަވާލުވެވޭނީ، ރައީސުލްޖުމްހޫރިއްޔާގެ ކުރިމަތީގައި މި ގާނޫނު އަސާސީގެ ޖަދުވަލުގެ (ވ) ގައިވާހުވާ ކުރުމުންނެވެ. 

 

109 ވަނަ މާއްދާ - އަތޮޅު ހިންގުން 

ރައީސުލްޖުމްހޫރިއްޔާ އަންގާ ގޮތެއްގެ މަތިން ކޮންމެ އަތޮޅެއްވެސް ހިންގާނީ، އަތޮޅު ހިންގުން އެ އަތޮޅަކަށް އިސްކުރެވިފައިވާ އަތޮޅުވެރިޔާއެވެ. ރައީސުލްޖުމްހޫރިއްޔާ އަތޮޅުވެރިންނަށް އަންގާ އެންގުންތައް، ވަޒީރުން މެދުވެރިކޮށް އެންގިދާނެއެވެ.

 

110 ވަނަ މާއްދާ - އަތޮޅުވެރިން އިސްތިއުފާދިނުން

އަަތޮޅުވެރިއަކު އޭނާގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، އޭނާ، ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާ ލިޔުމަކުން އިސްތިއުފާ ދެވިދާނެއެވެ. އެކަމަކު، ރައީސުލްޖުމްހޫރިއްޔާއަށް އޭނާގެ އިސްތިއުފާ ގަބޫލުކުރިކަން އަންގަންދެން އަތޮޅުވެރިޔާ އޭނާގެ މަގާމުގެ ވާޖިބުތައް އަދާކުރުންމަތީ ދެމިހުންނަން ވާނެއެވެ.

 

111 ވަނަ މާއްދާ - އަތޮޅުވެރިން މަގާމުން ވަކިކުރުން

ރަައީސުލްޖުމްހޫރިއްޔާއަށް ފެނިއްޖެ ހިނދެއްގައި އަތޮޅުވެރިއަކު، އެމީހެއްގެ މަގާމުން ވަކިކުރެވިދާނެއެވެ. 

 

އަަށްވަނަ ބާބު

ށަރީއަތް ހިންގާފަރާތް (1)

ހައި ކޯޓު 

 

112 ވަނަ މާއްދާ - ދިވެހިރާއްޖޭގެ ހައިކޯޓު

  1. ދިވެހިރާއްޖޭގައި ހައި ކޯޓެއް ހުންނަން ވާނެއެވެ. މި ހައި ކޯޓު އެކުލެވިގެންވާނީ، އުއްތަމަ، ފަނޑިޔާރާއި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އަދަދެއްގެ ފަނޑިޔާރުންގެ މައްޗަށެވެ.
  2. އުއްތަމަފަނޑިޔާރާއި ހައި ކޯޓުގެ ފަނޑިޔާރުން އިސްކުރާނީ، ރައީސުލްޖުމްހޫރިއްޔާއެވެ 

 

113 ވަނަ މާއްދާ - އުއްތަމަފަނޑިޔާރާއި ހައިކޯޓުގެ ފަނޑިޔާރުންގައި ހުރުން ލާޒިމުވާ ސިފަތައް

އުއްތަމަފަނޑިޔާރުކަމަށާއި، ހައި ކޯޓުގެ ފަނޑިޔާރުކަމަށް އިސްކުރެވޭނީ، ތިރީގައިމިވާ ސިފަތައް ހުރި މީހުންނެވެ.

(ހ) މުސްލިމަކު ކަމުގައި ވުން

(ށ) ދިވެހި ރައްޔިތަކު ކަމުގައި ވުން

(ނ) އުމުރުން ތިރީސް އަހަރުވެފައިވުން

(ރ) ބުއްދި ހަމައަށް ހުރި މީހަކު ކަމުގައި ވުން

(ބ) އެމީހަކީ، ރައީސުލްޖުމްހޫރިއްޔާގެ ނަޒަރުގައި، އުއްތަމަފަނޑިޔާރުކަމުގެ ނުވަތަ ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް އަދާކުރެވޭފަދަ އިލްމީ ފެންވަރާއު ލަޔާގަތުހުރި މީހަކު ކަމުގައިވުން.

(ޅ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ހިޔާނާތުގެ ކުށެއް، ނުވަތަ ރިށްވަތުގެ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(ކ) ބޭރުގައުމެއްގެ ރައްޔިތެއް ކަމުގައި ނުވުން.

 

114 ވަނަ މާއްދާ - އުުއްތަމަފަނޑިޔާރާއި ހައިކޯޓުގެ ފަނޑިޔާރުން މާގާމާ ހަވާލުވުން

އުުއްތަމަފަނޑިޔާރަށް، ނުވަތަ ހައިކޯޓުގެ ފަނޑިޔާރަކަށް، އެމީހެއްގެ މަގާމާ ހަވާލުވެވޭނީ، ރައީސުލްޖުމްހޫރިއްޔާގެ ކުރިމަތީގައި މި ގާނޫނު އަސާސީގެ ޖަދަވަލުގެ (މ) ގައިވާ ހުވާ ކުރުމުންނެވެ.

 

115 ވަނަ މާއްދާ - ހައި ކޯޓުން ބެލޭ ގަޒިއްޔާތައް

  1. ދިވެހިރާއްޖޭގެ ކޯޓުތަކުން ނިންމާ ގަޒިއްޔާތައް، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ގަވާއިދެއްގެ މަތިން ބަލާނީ ހައިކޯޓުންނެވެ.
  2. ދައުލަތުން ދައްވާ ކުރާ މައްސަލަތަކުގެ ތެރެއިން، ހައިކޯޓުން ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ގަޒިއްޔާތައް ބަލާނީ، ހައިކޯޓުންނެވެ.

 

116 ވަނަ މާއްދާ - އުުއްތަމަފަނޑިޔާރާއި ހައިކޯޓުގެ ފަނޑިޔާރުން އިސްތިއުފާދިނުން

އުއްތަމަފަނޑިޔާރު، ނުވަތަ ހައިކޯޓުގެ ފަނޑިޔާރަކު، އެމީހެއްގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، އެމީހަކު ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާ ލިޔުމަކުން އިސްތިއުފާ ދެވިދާނެއެވެ. އެކަމަކު ، ރައީސުލްޖުމްހޫރިއްޔާ އެމީހެއްގެ އިސްތިއުފާ ގަބޫލުކުރިކަން އަންގަންދެން، އުއްތަމަފަނޑިޔާރު ނުވަތަ ހައިކޯޓުގެ އެފަނޑިޔާރަކު، އެމީހެއްގެ މަގާމުގެ ވާޖިބުތައް އަދާކުރުންމަތީ ދެމިހުންނަންވާނެއެވެ.

 

117 ވަނަ މާއްދާ - އުއްތަމަފަނޑިޔާރާއި ހައި ކޯޓުގެ ފަނޑިޔާރުން މަގާމުން ވަކިކުރުން

އުއްތަމަފަނޑިޔާރަށް، ނުވަތަ ހައިކޯޓުގެ ފަނޑިޔާރަކަށް، އެމީހެއްގެ ވާޖިބުތަކާއި، މަސްއޫލިއްޔަތު އެކަށީގެންވާ ގޮތުގެ މަތިން އަދާނުކުރެވޭ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިއްޖެ ހިނދެއްގައި، ނުވަތަ އެއިން މީހެއްގެ ކިބައިން، 113 ވަނަ މާއްދާގައި ނަންގަނެވިގެންވާ ސިފަތަކުގެ ތެރެއިން ސިފައެއް އުނިވެއްޖެނަމަ، އެމީހަކު އޭނާގެ މަގާމުން ވަކިކުރެވި ދާނެއެވެ.

 

ނުވަވަނަ ބާބު

ށަރީއަތް ހިންގާފަރާތް (2)

ކޯޓުތައް

118 ވަނަ މާއްދާ - ކޯޓުތައް

  1. ދިވެހިރާއްޖޭގައި، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އަދަދަކަށް، ކަަނޑައަޅާ ތަނެއްގައި، ށަރީއަތް ހިންގާ ކޯޓުތައް އުފެއްދިދާނެއެވެ.
  2. ކޯޓުތަކުގެ ފަނޑިޔާރުން އިސްކުރާނީ، ރައީސުލްޖުމްހޫރިއްޔާއެވެ.

 

119 ވަނަ މާއްދާ - ކޯޓުތަކުގެ ފަނޑިޔާރުންގެ ކިބައިގައިހުރުން ލާޒިމުވާ ސިފަތައް

ކޯޯޓެއްގެ ފަނޑިޔާރަކަށް އިސްކުރެވޭނީ، ތިރީގައިމިވާ ސިފަތައް ހުރިމީހެކެވެ.

(ހ) މުސްލިމަކު ކަމުގައިވުން.

(ށ) ދިވެހިރައްޔިތަކު ކަމުގައިވުން.

(ނ) އުމުރުން ފަންސަވީސް އަހަރު ވެފައިވުން.

(ރ) ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން.

(ބ) އެމީހަކީ، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭ ފަދަ އިލްމީ ފެންވަރާއި ލަޔާގަތު ހުރި މީހަކު ކަމުގައިވުން.

(ޅ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ހިޔާނާތުގެ ކުށެއް، ނުވަތަ ރިށްވަތުގެ ކުށެއް، ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(ކ) ބޭރު ގަމެއްގެ ރައްޔިތެއްކަމުގައި ނުވުން. 

 

120 ވަނަ މާއްދާ - ކޯޯޓުތަކުގެ ފަނޑިޔާރުން މަގާމާ ހަވާލުވުން

ކޯޯޓެއްގެ ފަނޑިޔާރަކަށް، އެމީހެއްގެ މަގާމާ ހަވާލުވެވޭނީ، ރައީސުލްޖުމްހޫރިއްޔާގެ ކުރިމަތީގައި، ނުވަތަ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މީހެއްގެ ކުރިމަތީގައި، މި ގާނޫނު އަސާސީގެ ޖަދުވަލުގައި (މ) ގައިވާ ހުވާ ކުރުމުންނެވެ. 

 

121 ވަނަ މާއްދާ - ކޯޯޓުތައް ހިންގުން

ކޯޯޓުތައް ހިންގުމާބެހޭ އަމުރުތަކާއި، ފަނޑިޔާރުންގެ ސުލޫކާބެހޭ އަމުރުތައް ކުރުމުގެ ބާރު، އެކަން ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރާ ވަޒީރަކަށް ލިބިގެންވެއެވެ.

 

122 ވަނަ މާއްދާ - ކޯޯޓުތަކުގެ ފަނޑިޔާރުން އިސްތިއުފާ ދިނުން

ކޯޯޓެއްގެ ފަނޑިޔާރަކު އޭނާގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، އޭނާ ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާ ލިޔުމަކުން އިސްތިއުފާދެވިދާނެއެވެ. އެކަމަކު، ރައީސުލްޖުމްހޫރިއްޔާ އޭނާގެ އިސްތިއުފާ ގަބޫލުކުރިކަން އަންގަންދެން، އެ ފަނޑިޔާރަކު، އޭނާގެ މަގާމުގެ ވާޖިބުތައް އަދާކުރުންމަތީ ދެމިހުންނަންވާނެއެވެ. 

 

123 ވަނަ މާއްދާ - ކޯޯޓުތަކުގެ ފަނޑިޔާރުން މަގާމުން ވަކިކުރުން

ރައީސުލްޖުމްހޫރިއްޔާއަށް ފެނިއްޖެ ހިނދެއްގައި، ކޮންމެ ކޯޓެއްގެ ފަނޑިޔާރަކުވެސް އޭނާގެ މަގާމުން ވަކިކުރެވިދާނެއެވެ.

 

ދިހަވަނަ ބާބު

ދައުލަތުގެ ހިސާބުތައް އޮޑިޓްކުރުމާއި ބެލެހެއްޓުން  

 

124 ވަނަ މާއްދާ - އޮޑިޓަރ ޖެނެރަލް 

  1. ދިވެހިރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާ އިސްކުރާ އޮޑިޓަރ ޖެނެރަލެއް ހުންނަންވާނެއެވެ.
  2. އޮޑިޓަރ ޖެނެރަލަކީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގައި ހުރުން ލާޒިމުވާ ސިފަތައް ހުރި، އަދި ރައީސުލްޖުމްހޫރިއްޔާގެ ނަޒަރުގައި އެމަގާމުގެ ވާޖިބުތައް އަދާކުރެވޭ ފަދަ ލަޔާގަތެއް ހުރި މީހެއް ކަމުގައި ވާންވާނެއެވެ.

 

125 ވަނަ މާއްދާއޮޑިޓަރ ޖެނެރަލް މަގާމާ ހަވާލުވުން

އޮޮޑިޓަރ ޖެނެރަލަށް އޭނާގެ މަގާމާ ހަވާލުވެވޭނީ، ރައީސުލްޖުމްހޫރިއްޔާގެ ކުރިމަތީގައި، މި ގާނޫނު އަސާސީގެ ޖަދުވަލުގެ (ފ) ގައިވާ ހުވާކުރުމުންނެވެ.

 

126 ވަނަ މާއްދާ - އޮޑިޓަރ ޖެނެރަލްގެވާޖިބުތައް

ގާނުނުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން، ދައުލަތުގެ ހިސާބުތައް އޮޑިޓްކޮށް، އެކަމާބެހޭ ރިޕޯޓްތައް ތައްޔާރުކޮށް، ދައުލަތުގެ ހިސާބުތަކާބެހޭ ގޮތުން ކުރަންޖެހޭ އެހެންކަންތައްތައް ކުރާނީ އޮޑިޓަރ ޖެނެރަލެވެ.

 

127 ވަނަ މާއްދާ - ދައުލަތުގެ ހިސާބުތައް ބެލެހެއްޓުން

ދަައުލަތުގެ ހިސާބުތައް ލިޔެ ބަލަހައްޓާނީ، ރައީސުލްޖުމްހޫރިއްޔާގެ ލަފާގެމަތިން، އޮޑިޓަރ ޖެނެރަލް ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.

 

128 ވަނަ މާއްދާއޮޑިޓަރ ޖެނެރަލް އިސްތިއުފާ ދިނުން

އޮޑިޓަރ ޖެނެރަލް އެނާގޭ މަގާމުން އިސްތިއުފާންދޭން ބޭނުންވެއްޖެނަމަ، އޭނާ ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާ ލިޔުމަކުން އިސްތިއުފާ ދެވިދާނެއެވެ. އެކަމަކު ރައީސުލްޖުމްހޫރިއްޔާ އޭނާގެ އިސްތިއުފާ ގަބޫލުކުރިކަން އަންގަންދެން، އޮޑިޓަރ ޖެނެރަލް އޭނާގެ މަގާމުގެ ވާޖިބުތައް އަދާ ކުރުންމަތީ ދެމިހުންނަންވާނެއެވެ.

 

129 ވަނަ މާއްދާއޮޑިޓަރ ޖެނެރަލް މަގާމުން ވަކިކުރުން

އޮޮޑިޓަރ ޖެނެރަލަށް އޭނާގެ މަގާމުގެ ވާޖިބުތައް އެކަށީގެންވާ ގޮތެއްގައި އަދާނުކުރެވޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިއްޖެހިނދެއްގައި، އޭނާ އެމަގާމުން ވަކި ކުރެވިދާނެއެވެ.

 

އެގާރަވަނަ ބާބު

އިންތިހާބާ ވޯޓު 

 

130 ވަނަ މާއްދާ - ކޮމިށަނަރ އޮފް އިލެކްށަންސް 

  1. ދިވެހިރާއްޖޭގައި އާންމު އިންތިހާބާބެހޭ ކަންތައްތައް ހިންގުމަށްޓަކައި، ކޮމިށަނަރ އޮފް އިލެކްށަންސެއް ރައީސުލްޖުމްހޫރިއްޔާ އިސްކުރަންވާނެއެވެ.
  2. ކޮޮމިށަނަރ އޮފް އިލެކްށަންސަކީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހުރުން ލާޒިމުވާ ސިފަތައް ހުރި، އަދި ރައީސުލްޖުމްހޫރިއްޔާގެ ނަޒަރުގައި އެމަގާމުގެ ވާޖިބުތައް އަދާކުރެވޭފަދަ ލަޔާގަތެއް ހުރި މީހެއްކަމުގައި ވާންވާނެއެވެ. 

 

131 ވަނަ މާއްދާ - ކޮމިށަނަރ އޮފް އިލެކްށަންސް މަގާމާ ހަވާލުވުން

ކޮމިށަނަރ އޮފް އިލެކްށަންސަށް އޭނާގެ މަގާމާ ހަވާލުވެވޭނީ، ރައީސުލްޖުމްހޫރިއްޔާގެ ކުރިމަތީގައި، މި ގާނޫނުއަސާސީގެ ޖަދުވަލުގެ (ފ) ގައިވާ ހުވާކުރުމުންނެވެ. 

 

132 ވަނަ މާއްދާ - ކޮމިށަނަރ އޮފް އިލެކްށަންސްގެ ވާޖިބުތައް

ގާނޫނު އަސާސީއާއި ގާނޫނުގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރުމަށް ބޭނުންވާ ރައްޔިތުންގެ މަޖިލީހުގެ ރައްޔިތުންގެ އާންމު ސިއްރު ވޯޓު ނެގުމާއި، ރައްޔިތުންގެ މަޖިލީހަށާއި ރައްޔިތުންގެ ހާއްސަ މަޖިލީހަށް މެންބަރުން އިންތިހާބު ކުރުމުގައި ބޭނުންވާ ވޯޓު ނެގުމާއި، ރައްޔިތުންގެ ހިޔާލު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ނަގާ އާންމު ވޯޓު ނެގުމުގެ ހުރިހާ ކަމެއް ހިންގައި ބަލަހައްޓާނީ، ކޮމިށަނަރ އޮފް ވެއިލެކްށަންސެވެ.  

 

133 ވަނަ މާއްދާ - އިންތިހާބުތަކާއި، އާންމު ވޯޓުތަކުގައި ސިއްރު ވޯޓު ނެގުން

 ގާނޫނުއަސާސީއާއި ގާނޫނުގައި ކަނޑައެޅިފައިވާ އިންތިހާބު ތަކާއި އާންމު ވޯޓުތަކުގައި، ނަގަންވާނީ ސިއްރު ވޯޓެކެވެ. 

 

134 ވަނަ މާއްދާ - ވޯޓުދޭ މީހުންގެ ކިބައިގައި ހުންނަންވާ ސިފަތައް

ތިރީގައިމިވާ ސިފަތައް ހުރި ކޮންމެ މީހަކަށް، މި ގާނޫނުއަސާސީ އާއި ގާނުނުގައި ކަނޑައެޅިފައިވާ އިންތިހާބުތަކާއި އާންމު ވޯޓުތަކުގައި ވޯޓު ދިނުމުގެ ހައްގުލިބިގެންވެއެވެ.

(ހ) މުސްލިމަކު ކަމުގައިވުން

(ށ) ދިވެހިރައްޔިތަކު ކަމުގައިވުން.

(ނ ) އުމުރުން އެކާވީސް އަހަރުވެފައިވުން.

(ރ ) ބުއްދި ހަމައަށްހުރުން.

(ބ ) ށަރީއަތުގެ ހުކުމެއްގެ މަތިން ބަންދެއްގައިވާ ނުވަތަ ގާނޫނީ ބަންދެއްގައިވާމީހަކު ކަމުގައި ނުވުން. 

 

135 ވަނަ މާއްދާ - އިންތިހާބާ ބެހޭ ށަކުވާ

އިންތިހާބާބެހޭ ށަކުވާތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ކޯޓަކަށް  ހުށަހަޅާ ދައްވާއަކުން މެނުވީ، ރައްޔިތުންގެ މަޖިލީހުގެ ނުވަތަ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ އެއްވެސް އިންތިހާބަކާ ބެހިގެން ށަކުވާއެއް ނުކުރެވޭނެއެވެ.

 

136 ވަނަ މާއްދާ - ކޮމިށަނަރ އޮފް އިލެކްށަންސް އިސްތިއުފާދިނުން

 ކޮމިށަނަރ އޮފް އިލެކްށަންސް އޭނާގެ މަގާމުން އިސްތިއުފާ ދޭން ބޭނުންވެއްޖެނަމަ، އޭނާ ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާ ލިޔުމަކުން އިސްތިއުފާ ދެވިދާނެއެވެ. އެކަމަކު، ރައީސުލްޖުމްހޫރިއްޔާ އޭނާގެ އިސްތިއުފާ ގަބޫލުކުރިކަން އަންގަންދެން، ކޮމިށަނަރ އޮފް އިލެކްށަންސް އޭނާގެ މަގާމުގެ ވާޖިބުތައް އަދާކުރުންމަތީ ދެމިހުންނަންވާނެއެވެ.

 

137 ވަނަ މާއްދާ - ކޮމިށަނަރ އޮފް އިލެކްށަންސް މަގާމުން ވަކިކުރުން

ކޮޮމިށަނަރ އޮފް އިލެކްށަންސަށް އޭނާގެ މަގާމުގެ ވާޖިބުތައް އެކަށީގެންވާ ގޮތުގައި އަދާނުކުރެވޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިއްޖެ ހިނދެއްގައި، އޭނާ އެމަގާމުން ވަކިކުރެވިދާނެއެވެ.  

 

ބާރަވަނަ ބާބު

ދައުލަތުގެ މިލްކުވެރިކަމާއި، ދަރަންޏާއި، ދައްވާތައް

 

138 ވަނަ މާއްދާ - ދައުލަތުގެ މިލްކުގައިވާ ތަކެއްޗާއި ދައުލަތަށް ހޯދޭ ތަކެތް

  1. މި  ގާނޫނުއަސާސީ އިއުލާން ކުރެވޭއިރު ދައުލަތުގެ މިލްކުގައިވާ ހުރިހާ މުދަލާއި، ތަންތަނާއި، ތަކެއްޗާއި، ފައިސާއަކީ ދައުލަތުގެ ތަކެއްޗެވެ.
  2. ދައުލަތުގެ ބޭނުމަށް ހޯދޭ ހުރިހާ މުދަލާއި، ތަންތަނާއި، ތަކެއްޗާއި ފައިސާއަކީ، ދައުލަތުގެ ތަކެއްޗެވެ.

 

139 ވަނަ މާއްދާ - ކަަނޑާއި، އެއްގަމާއި، ތަބީއީގޮތުން އުފެދިފައިހުރި އަގުހުރި ތަކެތި

  1. ދިވެހިރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ހިމެނޭ އެއްގަމާއި، ކަނޑާއި، ކަނޑުގައިވާ މަހާއި، ކަނޑުގެ އަޑީގެ ބިމާއި އަދި މި ތަންތާނގައިވާ ގުދްރަތީ ގޮތުން އުފެދިފައިހުރި ނަމަ ހުރި މައުދަނާ، ތެލާއި، ގޭހާއި، އަދި މި ނޫންވެސް އަގު ހުރިހާ އެއްޗެއް މިލްކުވެގެންވަނީ، ދިވެހި ދައުލަތަށެވެ.
  2. ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި ހިމެނޭ ކަނޑުގަޔާއި، ކަނޑުގެ އަޑީގެ ބިމުގައިވާ، ދިރުންހުރި، އަދި ދިރުމެތްނެތް، ތަބީއީ އަގުހުރި ކޮންމެ އެއްޗަކީ، ދިވެހި ދައުލަތުގެ އެއްޗެކެވެ.

 

140 ވަނަ މާއްދާ - ގާނޫނީ މިލްކުވެރިއަކު ނުވާ މުދާ

  1.  ދިވެހިރާއްޖޭގެ ސަރަހައްދުގެ ތެރެއިން ހޮވާތަކެތީގެ ތެރެއިންނާއި، ކަނޑުގެ އަޑީގައިވާ ނުވަތަ ކަނޑުން ލަނގުވާ، ކަނޑުގައި އުފެދޭ ތަކެތި ފިޔަވައި، އެހެން ތަކެތީގެ ތެރެއިން ގާނޫނީ މިލްކުވެރިޔަކު މަތިނުވާ ތަކެއްޗަކީ، ދައުލަތުގެ ތަކެއްޗެވެ.
  2. ރާއްޖޭގެ ސަރަހައްދުގެ ތެރެއިން ބިން ކޮންނަނިކޮށް ފެންނަ ގާނޫނީ މިލްކުވެރިއަކު ނުވާ ރަން، ރިހި، ގަހަނާ، ފައިސާ، ގެވެހިކަންވާރު، އަދި އާސާރީ އެއްޗެހިފަދަ ތަކެއްޗަކީ، ދައުލަތުގެ ތަކެއްޗެވެ.

 

141 ވަނަ މާއްދާދައުލަތުގެ މުދާ ދިނުމާއި ވިއްކުންފަދަ ކަންތައް ކުރުމުގެ ބާރު

ގާނޫނުގައިވާ ގޮތުގެމަތިން ދައުލަތަށް ބޭނުންވެއްޖެ ހިނދެއްގައި ދައުލަތުގެ މިލްކުގައިވާ ތަކެތި ދިނުމާއި، ވިއްކުމާއި، ކުއްޔަށްދިނުމާއި، ދޫކުރުމާއި، ރަހުނު ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.

 

142 ވަނަ މާއްދާ - ދައުލަތުގެ ނަމުގައި ދަރަނި ނެގުން

ގާނޫނުގައިވާ ގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މުއްދަތަކަށް، ކަނޑައަޅާ މިންވަރަކަށް، ދައުލަތަށް ދަރަނި ނެގިދާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ދަރަނި އަދާކުރާނެ ކަމުގެ ޔަގީންކަން، ސަރުކާރުން ދެވިދާނެއެވެ.

 

143 ވަނަ މާއްދާ - ދައުލަތުގެ ނަމުގައި ދައްވާކުރުމާއި ދައްވާ ލިބިގަތުން

ދިވެހިދައުލަތުގެ ނަމުގައި، ދިވެހިރާއްޖޭގެ ކޯޓުތަކުގަޔާއި، ބޭރުގެ ކޯޓުތަކުގަޔާއި، އަދި މިނޫންވެސް ބޭނުންވެއްޖެ ތަނެއްގައި ދައްވާކުރުމާއި، ދައްވާ ލިބިގަތުމުގެ ބާރު ދިވެހި ސަރުކާރަށް ލިބިގެންވެއެވެ 

 

 ތޭރަވަނަ ބާބު

ކުއްލި ނުރައްކަލުގެ ހާލަތު

 

144 ވަނަ މާއްދާކުއްލި ނުރައްކަލުގެ ހާލަތު އިއްލާނު ކުރުން

ހަނގުރާމައެއް، ނުވަތަ ބޭރުގެ ހަމަލައެއް، ނުވަތަ ދާހިލީ ހަމަނުޖެހުމެއްގެ ސަބަބުން، ދިވެހިރާއްޖޭގެ ނުވަތަ ދިވެހިރާއްޖޭގެ ވަކި ހިސާބެއްގެ އަމަން އަމާންކަން ގެއްލުން ލިބިދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ގަބޫލުކުރެއްވިއްޖެ ހިނދެއްގައި، ކުއްލި ނުރައްކަލުގެ ހާލަތު އިއްލާނު ކުރުމުގެ ބާރު، ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ. 

 

145 ވަނަ މާއްދާކުއްލި ނުރައްކަލުގެ ހާލަތު އިއްލާނުކޮށްފައި އޮންނައިރު، ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ ބާރުތައް

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށްފަހު، އެ އިއުލާން ދެމި އޮންނަ މުއްދަތުގެ ތެރޭގައި، ދިވެހިރާއްޖޭގެ އަމަން އަމާންކަމާއި، ސުލްހަމަސްލަހަތު ރައްކާތެރި ކުރުމަށްޓަކައި، އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމާއި، ކުރަންޖެހޭ ހުރިހާ އަމުރެއް ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ. މި ގޮތުން އަޅާފިޔަވަޅުތަކުގެ ތެރޭގައި، މި ގާނޫނުއަސާސީގައި ކަނޑައެޅިފައިވާ އަސާސީ ހައްގު ތަކުގެ ތެރެއިން، އެހިނދަކަށް ހިފެހެއްޓުމަށް، ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ހައްގުތައް، އެ އިއްލާނު ދެމި އޮންނަ މުއްދަތުގެ ތެރޭގައި ވަގުތީ ގޮތުން ހިފެހެޓުމުގެ ބާރާއި، އެ ގާނޫނު ތަކަކަށް އަމަލުކުރުމުން ރާއްޖޭގެ އަމަން އަމާންކަމާއި، ސުލްހަމަސްލަހަތު ރައްކާތެރިކުރުން އެ ހިނދަކަށް ދަތިވާނެކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ގާނޫނުތަކަށް، އެ އިއުލާނު ދެމި އޮންނަ މުއްދަތުގެ ތެރޭގައި ވަގުތީ ގޮތުން އަމަލު ނުކޮށް ހިފެހެއްޓުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.

 

146 ވަނަ މާއްދާ - ކުުއްލި ނުރައްކަލުގެ ހާލަތުގެ އިއްލާނުގެ މުއްދަތާއި، އިއްލާން އުވާލުން

  1. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނަށް ފުރަތަމަ އަމަލުކުރެވޭ މުއްދަތަކީ، ތިންމަސްދުވަހެވެ. ތިންމަސް ދުވަހަށް ވުރެ ދިގު މުއްދަތަކަށް ކުއްލި ނުރައްކަލުގެ ހާލަތު ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިއްޖެ ހިނދެއްގައި، ތިންމަސް ދުވަސް ހަމަވުމުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މަޖިލީހުން ފާސްވެގެން އެ ފާސްކުރި މުއްދަތަކަށް ކުއްލި ނުރައްކަލުގެ ހާލަތުގެ އިއްލާނުގެ މުއްދަތު އިތުރުކުރެވިދާނެއެވެ. މި ގޮތަށް އިއްލާނުގެ މުއްދަތު އިތުރު ނުކުރާނަމަ، ތިންމަސް ދުވަސް ހަމަވުމުން، އެ އިއްލާނަށް އަމަލުކުރުން ހުއްޓާލަން ވާނެއެވެ.
  2. ކުއްލި ނުރައްކަލުގެ ހާލަތުގެ އިއްލާނަށް އަމަލުކުރެވެމުންދާ މުއްދަތުގެ ތެރޭގައިވެސް، އެ އިއުލާން އިތުރަށް ދެމެހެއްޓުމުގެ ބޭނުމެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިއްޖެ ހިނދެއްގައި، އެ އިއުލާނު އުވާލުމުގެ އިއްތިޔާރު އޭނާއަށް ލިބިގެންވެއެވެ.
  3. ކުއްލި ނުރައްކަލުގެ ހާލަތު ނިމުމުން، ލަސްވެގެން އެއްމަސް ދުވަހުގެ ތެރޭގައި، މެދުވެރިވި ކުއްލި ނުރައްކަލުގެ ހާލަތާބެހޭ ބަޔާނެއް، ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ލިޔުމަކުން ފޮނުވަންވާނެއެވެ.

 

ސާދަވަނަ ބާބު

އާންމު ހުކުމްތަކެއް

147 ވަނަ މާއްދާ - އެއްބަސްވުންތަކުގައި ސޮއިކުރުމާއި ގަބޫލުކުރުން

ދިވެހި ސަރުކާރާ ބޭރު ގައުމެއްގެ ސަރުކާރާ ދެމެދު އެއްވެސް އެއްބަސް ވުމެއްގައި ސޮއިކުރެވޭނީ، ނުވަތަ ދިވެހި ސަރުކާރުން ބައިނަލް އަގްވާމީ އެއްވެސް އެއްބަސް ވުމެއްގައި ސޮއިކުރެވޭނީ، ނުވަތަ ދިވެހި ސަރުކާރުގެ ފަރާތުން އެފަދަ އެއްބަސްވުމެއް ގަބޫލުކުރެވޭނީ، ރައީސުލްޖުމްހޫރިއްޔާގެ ލިޔުމަކުން އެކަމަކަށް ހުއްދަ ދިނުމުންނެވެ. އަދި އެފަދަ އެއްބަސްވުމަކީ ދައުލަތުގެ ފަރާތުން ތަސްދީގު ކުރަންޖެހޭ އެއްބަސް ވުމެއް ކަމުގައި ވާނަމަ، އެ އެއްބަސް ވުމަކަށް އަމަލުކުރަން ފެށޭނީ، ވަޒީރުންގެ މަޖިލީހުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާ އެ އެއްބަސްވުމެއް ތަސްދީގު ކުރުމަށްފަހުގައެވެ.

 

148 ވަނަ މާއްދާ - ގާނޫނުއަސާސީއާ އިލާފުވާ ގާނޫނެއް ނެހެދުން

  1. ގާނޫނު ހަދާ އެއްވެސް މަޖިލީހަކުން، ނުވަތަ ގާނޫނީ ބާރު ލިބިފައިވާ އެހެންފަރާތަކުންވިޔަސް، މި ގާނޫނުއަސާސީއާ، ނުވަތަ މިގާނޫނުއަސާސީގައި ބަޔާންވެގެންވާގޮތާ އިލާފުވާ ގޮތަކަށް، ގާނޫނެއް ނެހެދޭނެއެވެ.
  2. ހުށަހެޅިފައިވާ، ނުވަތަ ހެދިފައިވާ އެއްވެސް ގާނޫނެއްގައި، މިގާނޫނުއަސާސީގެ ބަޔާންވެގެންވާގޮތާ އިލާފުވާ ގޮތަކަށް ބައެއްވާނަމަ، އެބައެއްވާނީ ބާތިލު އެއްޗަކަށެވެ.

 

149 ވަނަ މާއްދާ - ހިނގަމުންދާ ގާނޫނުތަކަށް އަމަލުކުރުމާއި، ގާނޫނުތަކަށް ބަދަލު ގެނައުން

ރައްޔިތުންގެ މަޖިލީހުން ނުވަތަ ރައްޔިތުންގެ ހާއްސަ މަޖިލީހުން، އެހެން ގޮތަކަށް ފާސްނުކުރާހާ ހިނދަކު، މި ގާނޫނުއަސާސީއަށް އަމަލު ކުރަން ފެށޭއިރު، މިގާނޫނުއަސާސީއާ ހިލާފުނުވާ ގޮތަށް ހުރި އެންމެހާ ގާނޫނުތައް ހިންގަމުން ގެންދެވޭނެއެވެ. އަދި ގާނޫނުތައް ހެދުމަށް މި ގާނޫނުއަސާސީގައި ކަނޑައެޅިފައިވާ އުސޫލުގެ މަތިން، އެ ގާނޫނުތަކަށް، ބަދަލު ގެނެވިދާނެއެވެ.

 

 150 ވަނަ މާއްދާ - ގާނޫނުއަސާސީއަށް އަމަލުކުރަން ފަށާއިރު ހިންގަން ދަތިވާ ކަންތައްތައް

  1. މި ގާނޫނުއަސާސީގައި ބަޔާން ވެގެންވާ ކަންތައްތަކުގެ ތެރެއިން، އިތުރު އިންތިޒާމްތަކެއް ހަމަޖައްސައިގެން މެނުވީ، ހިންގަންފަށަން ދަތިވާ ކަންތައްތައް ހިންގަން ފެށުން، މި ގާނޫނުއަސާސީއަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން ދެ އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ފަސް ކުރުމުގެ ބާރު، ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ. އަދި މިގާނޫނުއަސާސީގައި ބަޔާންވެގެންވާ ކަންތައްތަކުގެ ތެރެއިން، ބަދަލެއް ނުވަތަ އުނި އިތުރެއް ގެނެސްގެން ނޫނީ ހިންގެން ނެތް ކަންތައްތައް، އެ ބަދަލެއް ނުވަތަ އެ އުނި އިތުރެއް ގެނެސްގެން ހިންގަން ފެށުން، މި ގާނޫނުއަސާސީއަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން ދެއަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ފަސްކުރުމުގެ ބާރުވެސް،ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވެއެވެ.
  2. މި މާއްދާގެ (1) ގައިވާ ގޮތުގެ މަތިން، ހިންގުން ފަސްކުރަން ހަމަޖައްސާ ކަންތައްތަކާއި، ބަދަލެއް ނުވަތަ އުނި އިތުރެއް ގެނެސްގެން ހިންގަން ހަމަޖައްސާ ކަންތައްތައް ކަނޑައަޅާނީ، ރައީސުލްޖުމްހޫރިއްޔާ އެކަމަށް ނެރޭ ހާއްސަ އަމުރަކުންނެވެ.

 

151 ވަނަ މާއްދާ - ގާނޫނުއަސާސީއާ ތައާޒުރުވާ ގާނޫނުތައް އުވިގެން ދިއުމާއި، އެކަމުގެ ނަތީޖާ

މިގާނޫނުއަސާސީއަށް އަމަލުކުރަން ފެށުމާއެކު، މި ގާނޫނު ހުއަސާސީގެ ހުކުމްތަކާ ތައާރުޒުވުމުގެ ސަބަބުން ގާނޫނެއް އުވިގެން ދިޔަކަމުގައި ވިޔަސް، މި ގާނޫނުއަސާސީގައި އެހެން ގޮތަކަށް ކަނޑައެޅިފައި ނެތްހާ ހިނަދަކު، މި އަސާގާނޫނު ސީއަށް އަމަލުކުރަން ފެށުމުގެ ކުރިން، އެ ގާނޫނަކަށް އަމަލުކުރުމުގެ ގޮތުން ހިންގިފައިވާ އެއްވެސް ކަމެއް ބާތިލެއް ނުވާނެއެވެ. އަދި އެ ގާނޫނެއްގެ ދަށުން އެއްވެސް ފަރާތަކަށް ލިބިފައިވާ ހައްގަކަށް، ނުވަތަ އިމްތިޔާޒަކަށް، ނުވަތަ އެ ގާނޫނެއްގެ ދަށުން ކަނޑައެޅިފައިވާ ހުކުމަކަށް، ނުވަތަ ދެވިފައިވާ އަދަބަކަށް ބަދަލެއް ނާންނާނެއެވެ.

 

152 ވަނަ މާއްދާ - ގާާނޫނުއަސާސީގައިވާ މުއްދަތާއި ތާރީހު ބަލާނެ ގޮތް

މި އަގާނޫނު ސާސީގައި ބަޔާންވެގެންވާ އުމުރާއި، މުއްދަތާއި، ތާރީހު ބަލާނީ، މީލާދީ ކަލަންޑަރާ އެއްގޮތަށެވެ. 

 

153 ވަނަ މާއްދާ - ގާާނޫނުއަސާސީގައިވާ ސުރުހީތައް

މި ގާނޫނުއަސާސީގައިވާ އެއްވެސް ސުރުހީއަކީ، ގާނޫނު އަސާސީގެ ބައެއް ނޫނެވެ. 

 

ފަނަރަވަނަ ބާބު

މި ގާނޫނުއަސާސީއަށް އަމަލުކުރަން ފެށުމާއި

 

154 ވަނަ މާއްދާ - ގާނޫނުއަސާސީގެ ނަމާއި ގާނޫނުއަސާސީ އަށް އަމަލުކުރަން ފަށާދުވަސް

  1. މި ގާނޫނުއަސާސީގެ ނަމަކީ "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ" އެވެ.
  2. މި ގާނޫނުއަސާސީއަށް އަމަލުކުރަންފަށާނީ، ރައްޔިތުންގެ ހާއްސަ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރުމަށްފަހު، މި ގާނޫނުއަސާސީއަށް އަމަލުކުރަން ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅައި، އިއްލާންކުރާ ދުވަހުންފެށިގެންނެވެ.

 

155 ވަނަ މާއްދާ - 1968 ގެ ގާނޫނުއަސާސީ އުވުން

މި ގާނޫނުއަސާސީއަށް އަމަލުކުރަންފަށާ ދުވަހުން ފެށިގެން، 11 ނޮވެމްބަރު 1968 ގައި އަމަލުކުރަންފެށިފައިވާ "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ" އުވުނީއެވެ.

 

ސޯޅަވަނަ ބާބު

ލަފުޒުތަކާއި އިބާރާތްތަކުގެ މާނަ

 

156 ވަނަ މާއްދާ - ލަަފުޒުތަކާއި އިބާރާތްތަކުގެ މާނަ

މި ގާނޫނުއަސާސީގައި އިބާރާތް އޮތްގޮތުން އެހެންގޮތަކަށް މާނަކުރަން ނުޖެހޭހާ ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކުގެ މާނައަކީ، އެ ލަފުޒުތަކަށާއި އިބާރާތްތަކަށް ތިރީގައި ބަޔާންކުރެވިފައިވާ މާނައެވެ.

މިގޮތުން:
"ޔުނިޓަރީ ދައުލަތް" ކަމަށް ބެނުފައި އެވަނީ، ދައުލަތް ހިންގުމުގެ ބާރުތައް އެއް ސަރުކާރެއްގައިވާ، އަދި އެދައުލަތެއްގައި އެކުލަވާފައިވާ ސަރަހައްދީ އެއްވެސް ބަޔަކަށް، އެބާރުތައް ބެހިފައި ނުވާ ދައުލަތަށެވެ.

"ކަނޑު" ކަމަށް ބުނެފައި އެވަނީ، ބޭރު ކަނޑާއި، އަތޮޅުތަކުގެ އެތެރެވެރިޔާއި، ފަރު، ފަޅު، ހާ، ގިރި ފަދަ ހުރިހާ ތަނެއް ހިމެނޭގޮތަށެވެ.

"ރައްޔިތެއް" ކަމަށް ބުނެފައި އެވަނީ، ގާނޫނުގައި ބަޔާންވެފައިވާ ގޮތުގެމަތިން، ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކަށެވެ.

"ގާނޫނު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުއަސާސީއަށް އަމަލުކުރަން ފަށާ ދުވަހާ ހަމައަށް ދިވެހިރާއްޖޭގައި ހިނގަމުން އައިސްފައިވާ ރައްޔިތުންގެ މަޖިލީހުންނާއި ރައްޔިތުންގެ ހާއްސަ މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކޮށްފައިވާ ގާނޫނު ތަކަށާއި، އަދި އެ ގާނޫނުތަކުން ލިބިދޭ ބާރުގެ ދަށުން ސަރުކާރުން ހަދާފައިވާ ގަވާއިދުތަކަށާއި، ސަރުކާރުން އެމައްޗަށް އަމަލު ކުރުމުން އައިސްފައިވާ އުސޫލު ތަކަށެވެ. އަދި މި ގާނޫނުއަސާސީއަށް އަމަލުކުރަންފަށާ ދުވަހުގެ ފަހުން، ރައްޔިތުންގެ މަޖިލީހުންނާއި، ރައްޔިތުންގެ ހާއްސަ މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރާ ގާނޫނުތަކަށާއި، އެ ގާނޫނުތަކުން ލިބިދޭ ބާރުގެ ދަށުން ސަރުކާރުން ހަދާ ގަވާއިދުތަކަށާއި، ސަރުކާރުން އެމައްޗަށް އަމަލުކުރެވޭ އުސޫލުތަކަށެވެ. އަދި މި ގާނޫނުއަސާސީގައި "ގާނޫނު" ބޭނުންކޮށްފައި އެވަނީ، ކީރިތި ގުރްއާނާއި، މާތްރަސޫލާގެ ސުންނަތުން ކަނޑައެޅިފައިވާ ށަރީއަތުގެ އުސޫލުތަކާއި، އެ ދެ އަސްލުން ދޭހަކޮށްދޭ އުސޫލުތައްވެސް ހިމެނޭ ގޮތަށެވެ.

"ކޯޓު" ކަމަށް ބަޔާންކޮށްފައި އެވަނީ، ށަރީއަތް ހިންގުމަށް މަޖިލިސްކުރާ ކޮންމެ ތަނެކެވެ.

"އަދަބު" ދޭހަކޮށްދެނީ، ގާނޫނުގައި ކުށެއް ކަމުގައި ކަނޑައަޅާ ކަމަކަށް، ގާނޫނުގައި ދިނުމަށް ކަނޑައަޅާފައިވާ އުގޫބާތެވެ.

"އާންމު މަސްލަހަތު" ކަމަށް ބުނެފައިއެވަނީ، ގާނޫނުގެ ހުރްމަތާއި ރައްޔިތުންގެ ސަލާމަތާއި، ރައްޔިތުންގެ އާންމު ފައިދާ ރައްކާތެރިވެ ދެމި އޮތުމަށެވެ.

"ދުށްމަން" ކަމަށް ބުނެފައި އެވަނީ، ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތަށް ގެއްލުންވާފަދަ އަމަލެއްކުރާ ބިދޭސީންނާއި، މިކަމުގައި އެމީހުންނާ ބައިވެރިވާ ދިވެހިންނަށެވެ.

"ރައްޔިތުންގެ އަސާސީ ހައްގު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނު އަސާސީގެ ދެވަނަ ބާބުގައި ބަޔާންވެގެންވާ ރައްޔިތުންގެ އަސާސީ ހައްގުތަކަށެވެ.

"ސިއްރު ވޯޓު" ކަމަށް ބުނެފައި އެވަނީ، ވޯޓުލާ ނުވަތަ ދޭވަގުތު، އެކަކުދޭ ވޯޓުގެ މައްލޫމާތު އަނެކަކަށް ނޭނގޭގޮތަށް ވޯޓުލުމަށް ނުވަތަ ދިނުމަށެވެ.

"އިސްލާމްދީނުގެ އެންމެހާ ށިއާރުތައް ފާޅުކުރުން" ކަމަށް ބުނެފައި އެވަނީ، ރާއްޖޭގައި އިސްލާމްދީނުގެ ކަންތައްތައް ހިންގައި، އެކަންތައްތައް ކޮށްއުޅުމުގެ މަގުތައް ރާއްޖޭގެ ރައްޔިތުންނަށް ތަނަވަސް ކޮށްދިނުމަށެވެ.

"އެއްބަސްވުން" ކަމަށް ބުނެފައި އެވަނީ، ގާނޫނީ ގޮތުން ދިވެހިސަރުކާރު ޒިންމާވާންޖެހޭ ހުރިހާ ބާވަތެއްގެ އެއްބަސް ވުމަށެވެ.

"ޓެކްސް" ކަމަށް ބުނެފައި އެވަނީ، ދެވޭ ހިދުމަތެއް ނުވަތަ ކޮށްދެވޭ ކަމަކާގުޅިގެން ނަގާ އަގެއް ނުވަތަ ކުއްޔެއް ފިޔަވައި، ހުރިހާ ވައްތަރެއްގެ ޓެކްސާއި ޑިއުޓީއަށެވެ.

"އެއްގަން" ކަމަށް ބުނެފައި އެވަނީ، ރަށްރަށާއި، ފިނޮޅާއި، ހުރާ ފަދަ ކަނޑުން ހިކިފައި ހުންނަ ހުރިހާ ތަންތަނަށެވެ.

 

 

ޖަދުވަލު

އެކިއެކި މަގާމުގެ ހުވާ

( ހ )

ރައީސުލްޖުމްހޫރިއްޔާގެ ހުވާ

(36 ވަނަ މާއްދާއާގުޅޭ)

 "އަހުރެން................. (މީހާގެ ނަން).................. އިސްލާމްދީނަށް ހުރްމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ދިވެހި ރައްޔިތުންގެ އަސާސީ ހައްގުތައް ރައްކާތެރިކުރުމަށާއި، ދިވެހި ގައުމަށް އިއްލާސްތެރި ވުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް، ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު، އަދާކުރުންމަތީ ދެމިހުރުމަށް މާތްالله ގަންދީ ހުވާކުރަމެވެ."

 

( ށ )

ވަގުތީގޮތުން ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމު ފުރާމީހުންގެ ހުވާ

(48 ވަނަ މާއްދާއާގުޅޭ )

"އަހުރެން................. (މީހާގެ ނަން).................. އިސްލާމްދީނަށް ހުރްމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ދިވެހި ރައްޔިތުންގެ އަސާސީ ހައްގުތައް ރައްކާތެރިކުރުމަށާއި، ދިވެހި ގައުމަށް އިއްލާސްތެރި ވުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާގެ ބަދަލުގައި / ރައީސުލްޖުމްހޫރިއްޔާގެ ގާއިމުމަގާމެއްގެ ގޮތުން / ދައުލަތް ހިންގާ މަޖިލީހުގެ މެންބަރެއްގެ ގޮތުން، ދައުލަތް ހިންގުމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް، ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު، އަދާކުރުންމަތީ ދެމިހުރުމަށް މާތްالله ގަންދީ ހުވާކުރަމެވެ."

 

 ( ނ )

ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ހުވާ

(51 ވަނަ މާއްދާއާގުޅޭ )

" އަހުރެން................. (މީހާގެ ނަން).................. އިސްލާމްދީނަށް ހުރްމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ދިވެހި ރައްޔިތުންގެ އަސާސީ ހައްގުތައް  ރައްކާތެރިކުރުމަށާއި، ދިވެހި ގައުމަށާއި ރައީސުލްޖުމްހޫރިއްޔާއަށް އިއްލާސްތެރި ވުމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު، އަދާކުރުންމަތީ ދެމިހުރުމަށް މާތްالله ގަންދީ ހުވާކުރަމެވެ."

 

( ރ )

ވަޒީރުންނާއި ބަންޑާރަނާއިބުގެ ހުވާ

(57 ވަނަ މާއްދާއާގުޅޭ )

"އަހުރެން................. (މީހާގެ ނަން).................. އިސްލާމްދީނަށް ހުރްމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ދިވެހި ރައްޔިތުންގެ އަސާސީ ހައްގުތައް ރައްކާތެރިކުރުމަށާއި، ދިވެހި ގައުމަށާއި ރައީސުލްޖުމްހޫރިއްޔާއަށް އިއްލާސްތެރި ވުމަށާއި، ރައީސުލްޖުމްހޫރިއްޔާ އަހުރެންނާ ހަވާލުކުރާ ވާޖިބުތައް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު، އަދާކުރުންމަތީ ދެމިހުރުމަށް މާތްالله ގަންދީ ހުވާކުރަމެވެ."

 

( ބ )

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހުވާ

 ( 67 ވަނަ މާއްދާއާގުޅޭ )

"އަހުރެން................. (މީހާގެ ނަން).................. އިސްލާމްދީނަށް ހުރްމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ރައްޔިތުންގެ ހައްގުތަކާއި ވެރިކަމުގެ ހައްގުތައް ރައްކާތެރިކުރުމަށާއި، ދިވެހި ގައުމަށް އިއްލާސްތެރިވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުން އަހުރެން އަދާކުރަންޖެހޭ ވާޖިބުތައް، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު، އަދާކުރުންމަތީ ދެމިހުރުމަށް މާތްالله ގަންދީ ހުވާކުރަމެވެ."

 

( ޅ )

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނާއިބުރައީސްގެ ހުވާ

(68 ވަނަ މާއްދާއާއި 70 ވަނަ މާއްދާއާގުޅޭ )

"އަހުރެން................. ( ނަންމީހާގެ ).................. އިސްލާމްދީނަށް ހުރްމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ރައްޔިތުންގެ ހައްގުތަކާއި ވެރިކަމުގެ ހައްގުތައް ރައްކާތެރި ކުރުމަށާއި، ދިވެހި ގައުމަށާއި ރައީސުލްޖުމްހޫރިއްޔާއަށް އިއްލާސްތެރި ވުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ ގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ / ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު، އަދާކުރުންމަތީ ދެމިހުރުމަށް މާތްالله ގަންދީ ހުވާކުރަމެވެ."

 

( ކ )

ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުންގެ ހުވާ

(96 ވަނަ މާއްދާއާގުޅޭ )

"އަހުރެން................. (މީހާގެ ނަން).................. އިސްލާމްދީނަށް ހުރްމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ހުރްމަތްތެރިކޮށް ހިތުމަށާއި، ދިވެހި ގައުމަށް އިއްލާސްތެރި ވުމަށާއި، ދިވެހިރައްޔިތުންގެ ހައްގުތަކަށް ރައްކާތެރިވުމަށާއި، ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރެއްގެ ގޮތުން އަހުރެން އަދާކުރަންޖެހޭ ވާޖިބުތައް، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު، އަދާކުރުންމަތީ ދެމިހުރުމަށް މާތްالله ގަންދީ ހުވާކުރަމެވެ."

 

( އ )

ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސާއި ނާއިބުރައީސްގެ ހުވާ

(98 ވަނަ މާއްދާއާގުޅޭ )

"އަހުރެން................. (މީހާގެ ނަން).................. އިސްލާމްދީނަށް ހުރްމަތް ތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ހުރްމަތްތެރިކޮށް ހިތުމަށާއި، ދިވެހި ގައުމަށް އިއްލާސްތެރި ވުމަށާއި، ދިވެހިރައްޔިތުންގެ ހައްގުތަކަށް ރައްކާތެރިވުމަށާއި، ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސްގެ / ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ނާއިބުރައީސްގެ ގޮތުން، އަހުރެން އަދާކުރަންޖެހޭ ވާޖިބުތައް، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު، އަދާކުރުންމަތީ ދެމިހުރުމަށް މާތްالله ގަންދީ ހުވާކުރަމެވެ."

 

( ވ )

އަތޮޅުވެރިންގެ ހުވާ

(108 ވަނަ މާއްދާއާގުޅޭ )

"އަހުރެން................. ( ނަންމީހާގެ ).................. އިސްލާމްދީނަށް ހުރްމަތް ތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ރައްކާތެރި ވުމަށާއި، ދިވެހި ގައުމަށާއި ރައީސުލްޖުމްހޫރިއްޔާއަށް އިއްލާސްތެރިވުމަށާއި، ދިވެހި ރައްޔިތުންގެ އަސާސީ ހައްގުތަކަށް ރައްކާތެރިވުމަށާއި، އަހުރެންނާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރާ އަތޮޅުގެ އެންމެހައި ކަންތައްތައް ރައީސުލްޖުމްހޫރިއްޔާ އަންގާ ގޮތެއްގެމަތިން ހިންގައި، އަތޮޅުވެރިކަމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް، ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު، އަދާކުރުންމަތީ ދެމިހުރުމަށް މާތްالله ގަންދީ ހުވާކުރަމެވެ."

 

( މ )

އުއްތަމަފަނޑިޔާރާއި ފަނޑިޔާރުންގެ ހުވާ

(114 ވަނަ މާއްދާއާއި 120 ވަނަ މާއްދާއާގުޅޭ )

"އަހުރެން................. (މީހާގެ ނަން).................. އިސްލާމްދީނަށް ހުރްމަތް ތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ ރައްކާތެރިކުރުމަށާއި، ދިވެހިރައްޔިތުންގެ ހައްގުތަކަށާއި ވެރިކަމުގެ ހައްގުތަކަށް ރައްކާތެރިވުމަށާއި، އުއްތަމަފަނޑިޔާރުގެ / ފަނޑިޔާރެއްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް، ށަރްއީ އުސޫލުތަކާއި ރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން، ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު، އަދާކުރުންމަތީ ދެމިހުރުމަށް މާތްالله ގަންދީ ހުވާކުރަމެވެ."

 

( ފ )

ކޮމިށަނަރ އޮފް އިލެކްށަންސްއާއި އޮޑިޓަރ ޖެނެރަލްގެ ހުވާ

(125 ވަނަ މާއްދާއާއި 131 ވަނަ މާއްދާއާގުޅޭ)

"އަހުރެން................. (މީހާގެ ނަން).................. އިސްލާމްދީނަށް ހުރްމަތް ތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ރައްކާތެރި ވުމަށާއި، ދިވެހި ގައުމަށް އިއްލާސްތެރިވުމަށާއި، ކޮމިށަނަރ އޮފް އިލްކްށަންސްގެ / އޮޑިޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ގާނޫނުގައިވާ ގޮތުގެމަތިން، ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު، އަދާކުރުންމަތީ ދެމިހުރުމަށް މާތްالله ގަންދީ ހުވާކުރަމެވެ."

 

އުވާލެވުނު ގާނޫނުއަސާސީ

 ގާނޫނު އަސާސީ (1968)

 

އުވި ގާނޫނުއަސާސީ

ގާނޫނު އަސާސީ 2008

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު