-

ޓްރޭޑްމާރކްގެ ގާނޫނު  

(ގާނޫނު ނަންބަރު 2025-19)

(މި ގާނޫނަށް އަމަލުކުރަން ފެށީ/ފަށާނީ 11 ނޮވެމްބަރު 2026 ގައި)

 

އެއްވަނަ ބާބު

ފެށުން

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއ،ީ ދިވެހިރާއްޖޭގައި ޓްރޭޑްމާރކާއި އެއާގުޅޭ އެހެނިހެން ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ ނިޒާމެއް އެކަށައަޅައި، އެ ހައްގުތައް ހިމާޔަތްކުރުމުގެ ގޮތުން އެޅޭނެ ފިޔަވަޅުތައް ބަޔާންކުރުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ، "ޓްރޭޑްމާރކްގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - މަގްސަދު 

މި ގާނޫނުގެ މައިގަނޑު މަގްސަދުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ދިވެހިރާއްޖޭގައި އުފެއްދުންތެރިންނާއި ފަންނުވެރިންނަށް ފަހި މާހައުލެއް ގާއިމުކުރުމަށްޓަކައި ޓްރޭޑްމާރކް ރަޖިސްޓަރީކޮށްދިނުމާގުޅޭ ނިޒާމެއް ގާއިމުކޮށް، ކަމާގުޅޭ މައިގަނޑު އުސޫލުތައް ކަނޑައެޅުން؛

(ށ) ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރެވޭ ޓްރޭޑްމާރކާއި ރަޖިސްޓަރީކޮށްފައިނުވާ ޓްރޭޑްމާރކާ ގުޅިގެން، ޓްރޭޑްމާރކަށާއި އޭގެ ވެރިފަރާތްތަކަށް ލިބިގެންދާނެ ހައްގުތަކުގެ ދާއިރާ ބަޔާންކުރުން؛

(ނ) ގާނޫނާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ އުސޫލުތަކާއި ހައްގު ގެއްލޭ ފަރާތްތަކަށް ލިބިދެވޭނެ ފަރުވާ ކަނޑައެޅުން. 

 

 

ދެވަނަ ބާބު

ޓްރޭޑްމާރކާއި އެއާގުޅޭ ހައްގުތައް

 

3 ވަނަ މާއްދާ - ޓްރޭޑްމާރކް

މި ގާނޫނުގައި "ޓްރޭޑްމާރކް" ކަމަށް ބުނެފައި އެވަނީ، އެއް ފަރާތެއްގެ މުދާ ނުވަތަ ހިދުމަތްތައް އަނެއް ފަރާތެއްގެ މުދާ ނުވަތަ ހިދުމަތްތަކާ ތަފާތުކުރުމުގެ ގާބިލުކަން ލިބިފައިވާ ކޮންމެ ނިށާނަކަށެވެ. ވަކިން ހާއްސަކޮށް، އަމިއްލަ ނަން، ނުވަތަ އަކުރު، ނުވަތަ ނަންބަރު، ނުވަތަ ފިގަރެޓިވް އެލެމެންޓްތައް އަދި ކުލަތަކުގެ ތަފާތު އެތުރުންތަކުގެ އިތުރުން އެފަދަ ނިށާންތަކުގެ ތަފާތު އެތުރުންތަކަށެވެ.

 

4 ވަނަ މާއްދާ - ޓްރޭޑްމާރކާގުޅޭ ހައްގުތައް ކަށަވަރުކުރުން

(ހ) ޓްރޭޑްމާރކަކާ ގުޅިގެން އެކްސްކްލޫސިވް ހައްގު ލިބިދެވޭނީ، މި ގާނޫނުގައިވާ ގޮތުގެމަތިން އެ މާރކް ރަޖިސްޓަރީކުރުމުންނެވެ.

(ށ) މި ގާނޫނުގެ ދަށުން މާރކެއް ރަޖިސްޓަރީކުރެވޭނީ، އެ މާރކެއް ރަޖިސްޓަރީކުރުމަށްޓަކައި މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ސައްހަ ހުށަހެޅުމެއް އެންމެ ފުރަތަމަ ފުރިހަމަކުރާ ފަރާތަކަށް، ނުވަތަ މި ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން އިސްކަންދިނުމުގެ ހައްގެއް އުފަންވެފައިވާކަން އެންމެ ފުރަތަމަ ސާބިތުކޮށްދެވޭ ފަރާތަކަށެވެ.

 

5 ވަނަ މާއްދާ - ރަޖިސްޓަރީކުރުމުން ލިބިދެވޭ ހައްގުތައް

(ހ) އެއްވެސް ފަރާތަކުން، ރަޖިސްޓަރީކޮށްފައިވާ ޓްރޭޑްމާރކެއްގެ ވެރިފަރާތުގެ ހުއްދަ ހޯދުމަކާ ނުލައި، އެ މާރކާ ސީދާ އެއްގޮތް ނުވަތަ އެއްވައްތަރު ނިށާނެއް، އެ މާރކް ނިސްބަތްވާ މުދަލާ ނުވަތަ ހިދުމަތާ ސީދާ އެއްގޮތް ނުވަތަ އެއްވައްތަރު މުދަލެއްގެ ނުވަތަ ހިދުމަތެއްގެ ވިޔަފާރީގައި ބޭނުންކުރުމުގެ ސަބަބުން އޮޅުންއެރުމުގެ ފުރުސަތު އޮންނަ ހާލަތްތަކުގައި، އެފަދައިން އެ ނިށާނެއް ބޭނުންކުރުން ހުއްޓުވުމުގެ ފުރިހަމަ ހައްގ،ު ރަޖިސްޓަރީކޮށްފައިވާ މާރކްގެ ވެރިފަރާތަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ރަޖިސްޓަރީކޮށްފައިވާ މާރކަކާ ސީދާ އެއްގޮތް ނިށާނެއް އެހެން ފަރާތަކުން ބޭނުންކުރަނީ، އެ މާރކް ނިސްބަތްވާ މުދާ ނުވަތަ ހިދުމަތާ ސީދާ އެއްގޮތް މުދަލަކާ ނުވަތަ ހިދުމަތަކާ ގުޅޭގޮތުން ކަމަށްވާނަމަ، އެކަމުގެ ސަބަބުން އޮޅުންއެރުމުގެ ފުރުސަތު އޮތްކަމުގައި ބެލެވޭނެއެވެ.

(ނ) އެއްވެސް ފަރާތަކުން، މާރކެއްގެ ވެރިފަރާތުގެ ހުއްދަ ހޯދުމަކާ ނުލައި، ރަޖިސްޓަރީކޮށްފައިވާ މަށްހޫރު މާރކަކާ ސީދާ އެއްގޮތް ނުވަތަ އެއްވައްތަރު ނިށާނެއް ބޭނުންކުރަމުންދަނީ އެ މާރކް ނިސްބަތްވާ މުދާ ނުވަތަ ހިދުމަތާ އެއްގޮތް ނޫން ނުވަތަ އެއްވައްތަރު ނޫން މުދަލަކާ ނުވަތަ ހިދުމަތަކާ ގުޅޭގޮތުން ކަމަށް ވީނަމަވެސް، އެ ނިށާން ބޭނުންކުރުމުގެ ސަބަބުން ރަޖިސްޓަރީކޮށްފައިވާ ޓްރޭޑްމާރކް ނިސްބަތްވާ މުދާ ނުވަތަ ހިދުމަތާ ގުޅުމެއް އޮތްކަން ދައްކުވައިދޭ ކަމުގައިވާނަމަ، އަދި އެކަމުގެ ސަބަބުން މާރކް ރަޖިސްޓަރީކޮށްފައިވާ ފަރާތަށް ނުވަތަ އެ ފަރާތުގެ މަސްލަހަތަށް ގެއްލުމެއް ލިބުމުގެ ފުރުސަތު އޮތްނަމަ، އެފަދައިން އެ ނިށާނެއް ބޭނުންކުރުން ހުއްޓުވުމުގެ ފުރިހަމަ ހައްގ،ު ރަޖިސްޓަރީކޮށްފައިވާ މާރކްގެ ވެރިފަރާތަށް ލިބިގެންވެއެވެ.

 

6 ވަނަ މާއްދާ - ރަޖިސްޓަރީކުރުމުން ލިބިދޭ ހައްގުތަކުގެ ދާއިރާ

(ހ) ޓްރޭޑްމާރކެއް ރަޖިސްޓަރީކުރުމުގެ ސަބަބުން މާރކްގެ ވެރިފަރާތަށް މި ގާނޫނުގެ ދަށުން ލިބިދޭ ހައްގުތައް، އަންނަނިވި ކަންކަން ކުރުމަށް ބޭނުމެއް ނުކުރެވޭނެއެވެ.

  1. ރަޖިސްޓަރީކޮށްފައިވާ މާރކްގެ ދަށުން ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ ބާޒާރަށް ނެރެފައިވާ މުދަލަކާ ގުޅޭގޮތުން، އެ މުދަލެއް ބާޒާރަށް ނެރުމަށްފަހު އެ މުދަލަކަށް ބަދަލެއް ގެނެސްފައިނުވާހާ ހިނދަކު، ނުވަތަ ގެއްލުމެއް ދީފައިނުވާހާ ހިނދަކު، އެހެން ފަރާތަކުން، އެ މާރކްގެ ބޭނުންކުރުން ހުއްޓުވުމަށް؛
  2. ރަޖިސްޓަރީކޮށްފައިވާ މާރކް ޖަހާފައިވާ މުދާ ނުވަތަ ހިދުމަތަކީ، އެ މާރކެއްގެ ވެރިފަރާތް ނުވަތަ މާރކެއްގެ ލައިސަންސް އޮތް ފަރާތެއްގެ މުދަލެއް ނުވަތަ ހިދުމަތެއްކަން ތެދުވެރިކަމާއެކު ދެއްކުމުގެ މަގްސަދުގައި، އެހެން ފަރާތަކުން، އެ މާރކްގެ ބޭނުންކުރުން ހުއްޓުވުމަށް؛
  3. މުދަލެއްގެ ނުވަތަ ހިދުމަތެއްގެ ބާވަތް ނުވަތަ ފެންވަރު ނުވަތަ މިންވަރު ނުވަތަ އަގު، ނުވަތަ މުދަލެއް އުފައްދާފައިވާ ނުވަތަ ސަޕްލައިކޮށްފައިވާ ވަގުތު، ނުވަތަ ހިދުމަތެއް ފޯރުކޮށްދެވުނު ވަގުތު، ނުވަތަ އެނޫންވެސް މުދަލެއް ނުވަތަ ހިދުމަތެއްގެ ސިފަތަކާ ގުޅުންހުރި ފާހަގަތައް ބޭނުންކުރުން ހުއްޓުވުމަށް؛
  4. މުދަލެއް ނުވަތަ ހިދުމަތަކަށް ކަނޑައެޅިފައިވާ ބޭނުން ދޭހަކޮށްދިނުމުގެ ގޮތުން ރަޖިސްޓަރީކޮށްފައިވާ މާރކެއް ކޮންމެހެން ބޭނުންކުރަންޖެހޭ ހާލަތްތަކުގައި، އަދި ހާއްސަކޮށް އެކްސެސަރީޒް އަދި ސްޕެއަރޕާޓްސްއާ ގުޅޭގޮތުން އެކަން ކުރަންޖެހޭ ހާލަތްތަކުގައި، އެހެން ފަރާތަކުން އެ މާރކްގެ ބޭނުންކުރުން ހުއްޓުވުމަށް؛
  5. މީހެއްގެ ނަން، ނުވަތަ އެޑްރެސް، ނުވަތަ އެ މީހެއްގެ ވިޔަފާރިކުރާ ތަނުގެ ނުވަތަ މުދަލާއި ހިދުމަތްތައް އުފައްދާ ނުވަތަ ޑިސްޓްރިބިއުޓްކޮށްދޭ ތަނުގެ ނަން ބޭނުންކުރުން ހުއްޓުވުމަށް ނުވަތަ އެ މީހެއްގެ ވިޔަފާރި ކުރިން ހިންގި އެހެން މީހެއްގެ އެފަދަ އެއްޗެއް ނުވަތަ ތަނެއް ބޭނުންކުރުން ހުއްޓުވުމަށް.

(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުން ފެށިގެން (5) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ސަބަބުން މާރކް ރަޖިސްޓަރީކޮށްފައިވާ ފަރާތުގެ ހައްގުތައް ހަނިވެގެންދާނީ، އެކަންކަމަކީ އެ މުދަލެއް ނުވަތަ ހިދުމަތެއްގެ އަސްލާމެދު އޮޅުން ނާރާގޮތަށް، ތެދުވެރިކަމާއެކު ކުރެވޭ ކަންކަން ކަމުގައިވާނަމައެވެ.

 

 

ތިންވަނަ ބާބު

ޓްރޭޑްމާރކް ރަޖިސްޓަރީކުރުން

އެއްވަނަ ބައި – ރަޖިސްޓަރީކުރުމާބެހޭ އާންމު އުސޫލުތައް

 

7 ވަނަ މާއްދާ - ޓްރޭޑްމާރކެއް ރަޖިސްޓަރީކުރަން އެދި ހުށަހެޅުން

(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު، ޓްރޭޑްމާރކެއްގެ ގޮތުގައި އެއްވެސް ނިށާނެއް ރަޖިސްޓަރީކޮށްދެވޭނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިންނެވެ .

(ށ) ޓްރޭޑްމާރކެއް ރަޖިސްޓަރީކުރުމަށް އެދޭ ފަރާތަކުން އެކަމަށް އެދި ހުށަހަޅާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ މައުލޫމާތާއި ލިޔެކިޔުމާއެކު، ކަނޑައެޅިފައިވާ ފޯމު މެދުވެރިކޮށް ރަޖިސްޓްރާރ އޮފް އިންޓެލެކްޗުއަލް ޕްރޮޕަރޓީއަށެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ފަދައިން މާރކެއް ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާއިރު، އަންނަނިވި މައުލޫމާތާއި ތަކެތި ހުށަހަޅަންވާނެއެވެ.

  1. ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް؛
  2. ކަމުގައިވާނަމަ، އެ ފަރާތުގެ ގައުމީ ނިސްބަތް، އަދި އެ ފަރާތުން އެހެން ގައުމެއްގައި ދިރިއުޅުން ބިނާކޮށްފައިވާނަމަ އެ ގައުމެއްގެ ނަން، އަދި އެ ފަރާތުން އެހެން ގައުމެއްގައި އިންޑަސްޓްރިއަލް ނުވަތަ ވިޔަފާރީގެ މަރުކަޒެއް ގާއިމުކޮށް ހިންގަމުންދާނަމަ އެ ގައުމެއްގެ ނަން؛
  3. ހުށަހަޅާ ފަރާތަކީ ގާނޫނީ ށަހްސެއްނަމަ، އެ ގާނޫނީ ށަހްސުގެ ގާނޫނީ ތަބީއަތާއި އެ ށަހްސު ރަޖިސްޓަރީކޮށްފައިވާ ގައުމު، އަދި، އެ ށަހްސެއް ރަޖިސްޓަރީކޮށްފައިވަނީ އެ ގައުމެއްގެ ވަކި ސަރަހައްދެއްގައި ހިނގާ ގާނޫނެއްގެ ދަށުން ކަމަށްވާނަމަ އެ ސަރަހައްދެއްގެ ނަން؛
  4. ހުށަހަޅާ ފަރާތް ތަމްސީލުކުރުމަށްޓަކައި މީހަކު އައްޔަންކޮށްފައިވާނަމަ، އެ ފަރާތެއްގެ ނަމާއި އެޑްރެސް؛
  5. މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ފެތޭ، މާރކްގެ ގްރެފިކް ރެޕްރެޒެންޓޭށަންތައް؛
  6. މާރކަކީ އެ ބާވަތުގެ މާރކެއްގައި ހުންނަންޖެހޭނެ ކަމުގައި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ވަކި ށަރުތުތަކެއް ކަނޑައަޅާފައިވާ ބާވަތުގެ މާރކެއްނަމަ، އެ މާރކަކާ ގުޅިގެން އެ ށަރުތުތައް ފުރިހަމަވާކަން އަންގައިދޭ ބަޔާނެއް؛
  7. މާރކްގެ ހާއްސަ ސިފައެއްގެ ގޮތުގައި އެ މާރކްގެ ކުލަ ކަނޑައަޅަން ބޭނުންވާ ކަމަށްވާނަމަ، އެކަން އަންގައިދޭ ބަޔާނެއް؛
  8. މާރކްގެ ނުވަތަ މާރކާ ގުޅުންހުރި ބައިތަކުގެ އިނގިރޭސި ނުވަތަ ދިވެހި ތަރުޖަމާ؛
  9. މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ތަފްސީލުތައް ހިމެނޭގޮތުން، މާރކް ބޭނުންކުރަން ގަސްދުކުރާ މުދަލާއި ހިދުމަތްތަކުގެ ލިސްޓެއް؛
  10. ރަޖިސްޓްރޭށަން ފީ؛
  11. މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ އެނޫންވެސް މައުލޫމާތު ނުވަތަ ލިޔެކިޔުން.

 

8 ވަނަ މާއްދާ - ފައިލްކުރި ތާރީހު

މާރކެއް ރަޖިސްޓަރީކުރުމަށްޓަކައި ހުށަހެޅޭ ހުށަހެޅުމެއްގައި އަންނަނިވި ށަރުތުތައް ފުރިހަމަވާ ކަމުގައިވާނަމަ، އެ ހުށަހެޅުން ރަޖިސްޓްރާރަށް ހުށަހެޅޭ ތާރީހަކީ މި ގާނޫނުގެ ބޭނުމަށްޓަކައި އެ ހުށަހެޅުން ފައިލްކުރި ތާރީހު ކަމުގައި ބެލެވޭނެއެވެ.

(ހ) މާރކެއް ރަޖިސްޓަރީކުރަން އެދޭކަން އެނގޭފަދަ ހުށަހެޅުމަކަށްވުން؛

(ށ) ހުށަހެޅުން ހުށަހަޅާ ފަރާތަކީ ކާކުކަން އެ ހުށަހެޅުމުން އެނގެން އޮތުން؛

(ނ) ހުށަހެޅުން ހުށަހަޅާ ފަރާތާ ނުވަތަ އެ ފަރާތް ތަމްސީލުކުރަން ކަނޑައަޅާފައިވާ ފަރާތަކާ ގުޅޭނޭގޮތް ބަޔާންކޮށްފައިވާ ހުށަހެޅުމަކަށްވުން؛

(ރ) ރަޖިސްޓަރީކުރަން ހުށަހަޅާ މާރކަކީ ކޮބައިކަން ސާފުކޮށް ދައްކުވައިދޭ ހުށަހެޅުމަކަށްވުން؛

(ބ) ރަޖިސްޓަރީކުރަން ހުށަހަޅާ މާރކް ބޭނުންކުރަން ގަސްދުކުރާ މުދާ ނުވަތަ ހިދުމަތްތައް ލިސްޓުކޮށްފައި އޮތުން. 

 

9 ވަނަ މާއްދާ - ބޭރު ގައުމެއްގައި ރަޖިސްޓަރީކުރުމަށް ހުށަހަޅާފައިވުމުގެ ސަބަބުން އިސްކަންދިނުމުގެ ހައްގު

(ހ) ޕެރިސް ކޮންވެންށަންގެ ނުވަތަ ވަރލްޑް ޓްރޭޑް އޯގަނައިޒޭށަންގެ މެންބަރު ގައުމެއްގައި، ކަމާބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން މާރކެއް ރަޖިސްޓަރީކުރުމަށްޓަކައި ހުށަހެޅުމެއް ހުށަހަޅާފައިވާ ފަރާތަކުން މި ގާނޫނުގެ ދަށުން ހަމަ އެ މާރކް ރަޖިސްޓަރީކުރުމަށް ހުށަހަޅާފައިވާ ހާލަތުގައި، އަދި އެ މާރކް ބޭނުންކުރެވޭނެ ކަމަށް ކަނޑައަޅާފައިވާ މުދާ ނުވަތަ ހިދުމަތަކީ، އެ ބޭރު ގައުމަށް ހުށަހެޅި ހުށަހެޅުމުގައި ބަޔާންކޮށްފައިވާ މުދަލާ ނުވަތަ ހިދުމަތާ ސީދާ އެއްގޮތް މުދަލެއް ނުވަތަ ހިދުމަތެއް ކަމުގައިވާނަމަ، ބޭރު ގައުމަށް ހުށަހެޅި ހުށަހެޅުން ހުށަހަޅާފައިވާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް، އެ މާރކް ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރުމަށް އިސްކަންދިނުމުގެ ހައްގު ލިބިދެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިސްކަންދިނުމުގެ ހައްގު ހޯދުމަށް އެދޭނަމަ، ދިވެހިރާއްޖޭގައި މާރކް ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ހުށަހެޅުމުގައި އެކަން ބަޔާންކޮށް، ކުރިން ހުށަހަޅާފައިވާ ހުށަހެޅުން ހުށަހެޅި ގައުމާއި ހުށަހެޅުނު ތާރީހު ބަޔާންކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން، އިސްކަންދިނުމުގެ ހައްގު ހޯދުމަށް އެދިފައިވާނަމަ، މާރކް ރަޖިސްޓަރީކުރުމަށް އެދި ހުށަހެޅުން ހުށަހަޅާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، އެ ހުށަހެޅުން ހުށަހެޅި ފަރާތުން އަންނަނިވި މައުލޫމާތާއި ތަކެތި ރަޖިސްޓްރާރަށް ހުށަހަޅަންވާނެއެވެ.

  1. ކުރީގެ ހުށަހެޅުން ހުށަހެޅުނު ބޭރު ގައުމުގެ އިދާރާއިން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ، އެ ހުށަހެޅުމުގެ ކޮޕީއެއް؛
  2. އެ ހުށަހެޅުމަކީ އިނގިރޭސި ބަސް ފިޔަވައި އެހެން ބަހަކުން ތައްޔާރުކޮށްފައިވާ ހުށަހެޅުމެއްނަމަ، އެ ހުށަހެޅުމެއްގެ އިނގިރޭސި ތަރުޖަމާ؛ އަދި
  3. ކުރީގެ ހުށަހެޅުން ހުށަހެޅުނު ބޭރު ގައުމުގެ އިދާރާއިން ދޫކޮށްފައިވާ، އެ ހުށަހެޅުން ފައިލްކުރި ތާރީހު އަންގައިދޭ ސެޓިފިކެޓެއް. 

(ރ) މާރކެއް ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ހުށަހެޅުމަކާއެކު މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އިސްކަންދިނުމުގެ ހައްގު ހޯދުމަށް އެދި ހުށަހެޅުމުގެ ނަތީޖާއަކަށްވާނީ، ދިވެހިރާއްޖޭގައި މާރކް ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ހުށަހެޅުމުގެ ފައިލްކުރި ތާރީހަކީ އެ ފަރާތުން ބޭރު ގައުމުގައި ކުރިން ހުށަހަޅާފައިވާ ހުށަހެޅުން ފައިލްކުރި ތާރީހު ކަމުގައި ކަނޑައެޅިގެންދިޔުމެވެ.

 

10 ވަނަ މާއްދާ - މައުރަޒެއްގައި ދައްކާލުމުގެ ސަބަބުން އިސްކަންދިނުމުގެ ހައްގު

(ހ) ރަސްމީ މައުރަޒެއްގައި ނުވަތަ ރަސްމީ ގޮތުން ބަލައިގަނެފައިވާ ބައިނަލްއަގްވާމީ މައުރަޒެއްގައި، ވަކި މާރކެއްގެ ދަށުން މުދަލެއް ނުވަތަ ހިދުމަތެއް ދައްކާލާފައިވާ ފަރާތެއް، މި ގާނޫނުގެ ދަށުން އެ މާރކް ރަޖިސްޓަރީކުރުމަށް ހުށަހަޅާފައިވާ ހާލަތުގައި، އެ މުދާ ނުވަތަ ހިދުމަތް މައުރަޒުގައި ފުރަތަމަ ދައްކާލާފައިވާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް، އެ މާރކް ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރުމަށް އިސްކަންދިނުމުގެ ހައްގު ލިބިދެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އިސްކަންދިނުމުގެ ހައްގު ހޯދުމަށް އެދޭނަމަ، ދިވެހިރާއްޖޭގައި މާރކް ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ހުށަހެޅުމުގައި އެފަދައިން ބަޔާންކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ފަދައިން، އިސްކަންދިނުމުގެ ހައްގު ހޯދުމަށް އެދިފައިވާނަމަ، މާރކް ރަޖިސްޓަރީކުރުމަށް އެދި ހުށަހެޅުން ހުށަހަޅާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި މުދާ ނުވަތަ ހިދުމަތް މައުރަޒެއްގައި ދައްކާލާފައިވާކަމުގެ ހެކި ރަޖިސްޓްރާރަށް ހުށަހަޅަންވާނެއެވެ.

(ރ) މާރކެއް ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ހުށަހެޅުމަކާއެކު މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އިސްކަންދިނުމުގެ ހައްގު
ހޯދުމަށް އެދި ހުށަހެޅުމުގެ ނަތީޖާއަކަށްވާނީ، ދިވެހިރާއްޖޭގައި މާރކް ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ހުށަހެޅުމުގެ ފައިލްކުރި ތާރީހަކީ އެ ފަރާތުން އެ މުދާ ނުވަތަ ހިދުމަތް މައުރަޒުގައި ފުރަތަމަ ދައްކާލާފައިވާ ތާރީހު ކަމުގައި ކަނޑައެޅިގެންދިޔުމެވެ. 

(ބ) މި މާއްދާގެ ދަށުން މާރކެއް ރަޖިސްޓަރީކުރުމުގައި އިސްކަންދިނުމުގެ ހައްގު ލިބުމުގެ ނަތީޖާއެއްގެ ގޮތުން މި ގާނޫނުގެ 9 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިސްކަންދިނުމުގެ ހައްގުގެ މުއްދަތު އިތުރުވެގެންނެއް ނުދާނެއެވެ.

 

 

ދެވަނަ ބައި – ރަޖިސްޓަރީކޮށްދިނުމުގެ ށަރުތުތަކާއި އިޖުރާއަތުތައް

ހުށަހެޅުމުގައި ފުރިހަމަވާންޖެހޭ

 

11 ވަނަ މާއްދާ - ކަންކަން ފުރިހަމަވެފައިވޭތޯ ބެލުން

(ހ) މި ގާނޫނުގެ ދަށުން މާރކެއް ރަޖިސްޓަރީކޮށްދިނުމަށް އެދި ހުށަހެޅުމުން އަންނަނިވި ކަންކަން ރަޖިސްޓްރާރ ބަލަންވާނެއެވެ.

  1. ހުށަހެޅުން ރަޖިސްޓްރާރަށް ހުށަހެޅި ތާރީހަކީ މި ގާނޫނުގެ 8 ވަނަ މާއްދާގެ ދަށުން ފައިލްކުރި ތާރީހުގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ފުރިހަމަވާންޖެހޭ ށަރުތުތައް ފުރިހަމަވާ ހުށަހެޅުމެއްތޯ ބެލުން؛
  2. މި ގާނޫނުގެ 7 ވަނަ މާއްދާގައި ބަޔާންކުރާ ށަރުތުތައް ހުށަހެޅުމުގައި ފުރިހަމަވެފައިވޭތޯ ބެލުން؛
  3. ހުށަހެޅުމަކީ މި ގާނޫނުގެ 9 ވަނަ މާއްދާގެ (ށ) ގެ ދަށުން ބޭރު ގައުމެއްގައި ރަޖިސްޓަރީކުރަން ހުށަހަޅާފައިވުމުގެ ސަބަބުން އިސްކަންދިނުމުގެ ހައްގު ހޯދުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމެއްނަމަ، އެ ހުށަހެޅުމުގައި އެ މާއްދާގެ (ށ) އަދި (ނ) ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވޭތޯ ބެލުން؛ އަދި
  4. ހުށަހެޅުމަކީ މި ގާނޫނުގެ 10 ވަނަ މާއްދާގެ (ށ) ގެ ދަށުން މައުރަޒެއްގައި ދައްކާލުމުގެ ސަބަބުން އިސްކަންދިނުމުގެ ހައްގު ހޯދުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމެއްނަމަ، އެ ހުށަހެޅުމުގައި އެ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވޭތޯ ބެލުން.

(ށ) ހުށަހެޅުމަކާ ގުޅިގެން މި މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓްރާރ ބަލާ ބެލުމުގައި، އެ ހުށަހެޅުމުގައި މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު އަދި (2) ވަނަ ނަންބަރުގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަނުވާ ކަމަށް ފާހަގަކުރެވިއްޖެނަމަ، އަންނަނިވި ގޮތުގެމަތިން އެ ހުށަހެޅުން އިސްލާހުކުރުމުގެ ފުރުސަތު، އެ ހުށަހެޅުން ހުށަހެޅި ފަރާތަށް ރަޖިސްޓްރާރ ދޭންވާނެއެވެ.

  1. ހުށަހެޅި ފަރާތަކީ ދިވެހިރާއްޖޭގައި ދިރިއުޅޭ ފަރާތެއްނަމަ 1 (އެކެއް) މަސްދުވަހުގެ މުއްދަތެއް؛ އަދި
  2. ހުށަހެޅި ފަރާތަކީ ދިވެހިރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތެއްނަމަ، 2 (ދޭއް) މަސްދުވަހުގެ މުއްދަތެއް.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ހުށަހެޅުން އިސްލާހުކުރުމަށް ދެވޭ މުއްދަތުގައި، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ފުރިހަމަކުރަންޖެހޭ ށަރުތުތައް ފުރިހަމަކޮށްފައިނުވާނަމަ ބަލާނީ، އެ ހުށަހެޅުމަކީ ފައިލްކޮށްފައިނުވާ ހުށަހެޅުމެއްގެ ގޮތުގައެވެ.

(ރ) މި މާއްދާގެ (ށ) ގެ ދަށުން ހުށަހެޅުން އިސްލާހުކުރުމަށް ދެވޭ މުއްދަތުގައި މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ފުރިހަމަކުރަންޖެހޭ ށަރުތުތައް ފުރިހަމަކޮށްފައިނުވާނަމަ، އެ ހުށަހެޅުމަކީ ކުރިއަށްގެންދަން ބޭނުންނުވާ ހުށަހެޅުމެއް ކަމުގައި ކަނޑައަޅައި، އެކަން ހުށަހެޅުން ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ.

(ބ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރު އަދި (4) ވަނަ ނަންބަރުގެ ދަށުން ރަޖިސްޓްރާރ ބަލާ ބެލުމުގައި، ބޭރު ގައުމެއްގައި
ރަޖިސްޓަރީކުރަން ހުށަހަޅާފައިވުމުގެ ސަބަބުން އިސްކަންދިނުމުގެ ހައްގު ހޯދުމަށް އެދި ނުވަތަ މައުރަޒެއްގައި ދައްކާލުމުގެ ސަބަބުން އިސްކަންދިނުމުގެ ހައްގު ހޯދުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމެއްގައި އެކަންކަމާ ގުޅޭގޮތުން މި ގާނޫނުގެ ދަށުން ފުރިހަމަވާންޖެހޭ ށަރުތުތައް ފުރިހަމަވެފައިނުވާނަމަ ބަލާނީ، އިސްކަންދިނުމުގެ ހައްގު ހޯދުމަށް އެދިފައިނުވާ ކަމުގައެވެ.

 

12 ވަނަ މާއްދާ - ހުށަހެޅުން ށާއިއުކުރުން 

މި ގާނޫނުގެ ދަށުން ޓްރޭޑްމާރކެއް ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ހުށަހެޅުމެއްގައި، މި ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު އަދި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވެފައިވާކަމަށް ރަޖިސްޓްރާރަށް ގަބޫލުކުރެވޭނަމަ، ރަޖިސްޓްރާރ އެ ހުށަހެޅުން އާންމުކޮށް ށާއިއުކުރަންވާނެއެވެ.

 

13 ވަނަ މާއްދާ - ރަޖިސްޓަރީކުރުމަށް އިއުތިރާޒުކުރުން

(ހ) ޓްރޭޑްމާރކެއް ރަޖިސްޓަރީކުރަން އެދި ހުށަހަޅާފައިވާ ހުށަހެޅުމެއް މި ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ށާއިއުކުރެވޭތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، މި ގާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުންކުރެ ހާލަތެއްގެ ދަށުން އިއުތިރާޒުކުރުމުގެ ނޯޓިހެއް، އިއުތިރާޒުކުރާ ސަބަބު ބަޔާންކުރުމާއެކު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރަޖިސްޓްރާރަށް ހުށަހެޅިދާނެއެވެ.

(ށ) އެއްވެސް ފަރާތަކުން މާރކް ރަޖިސްޓަރީކުރުމާ ގުޅޭގޮތުން މި މާއްދާގެ (ހ) ގެ ދަށުން އިއުތިރާޒުކުރުމުގެ ނޯޓިހެއް ރަޖިސްޓްރާރަށް ހުށަހަޅައިފިނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ރަޖިސްޓްރާރ ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި، އިއުތިރާޒުކުރާ ފަރާތުން، އެ ފަރާތުން ހުށަހަޅާފައިވާ އިއުތިރާޒުގައި ހިމެނޭ މައްސަލައާ ގުޅިގެން ކަންހިނގާފައިވާ ގޮތާއި، ކަމާގުޅޭ ހެއްކާއި އެ ފަރާތުގެ ހުށަހެޅުންތައް ހުށަހަޅަންވާނެއެވެ.

(ނ) މާރކް ރަޖިސްޓަރީކުރުމާ ގުޅޭގޮތުން އިއުތިރާޒުކުރުމުގެ ނޯޓިހެއް އެއްވެސް ފަރާތަކުން ހުށަހެޅުމާއެކު، އެފަދަ ނޯޓިހެއް ހުށަހަޅާފައިވާކަން މާރކް ރަޖިސްޓަރީކުރުމަށް ހުށަހެޅި ފަރާތަށް ރަޖިސްޓްރާރ އަންގައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އިއުތިރާޒުކުރުމުގެ ނޯޓިހަށް އެ ފަރާތުން ދޭން ބޭނުންވާ ރައްދެއް 3 (ތިނެއް) މަސްދުވަހުގެ މުއްދަތުގެ ތެރޭގައި ދިނުމުގެ ފުރުސަތު ރަޖިސްޓްރާރ ދޭންވާނެއެވެ.

(ރ) މާރކް ރަޖިސްޓަރީކުރުމަށް ހުށަހެޅި ފަރާތުން އިއުތިރާޒުކުރުމުގެ ނޯޓިހަށް ރައްދު ދީފައިވާނަމަ، އެ ރައްދުގެ ކޮޕީއެއް އިއުތިރާޒުކުރުމުގެ ނޯޓިސް ހުށަހެޅި ފަރާތަށް ދީ، ހުށަހަޅާފައިވާ ކަންކަން އަނގަބަހުން ހުށަހެޅުމަށް ދެ ފަރާތުންކުރެ ފަރާތަކުން އެދޭނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ ފުރުސަތު ރަޖިސްޓްރާރ ދޭންވާނެއެވެ.

 

14 ވަނަ މާއްދާ - ޓްރޭޑްމާރކް ރަޖިސްޓަރީކޮށްދިނުމަށް ގާނޫނު މަނާކުރާ ހާލަތްތައް

(ހ) އަންނަނިވި ބާވަތުގެ ނިށާންތައް ޓްރޭޑްމާރކްގެ ގޮތުގައި އެއްވެސް ހާލެއްގައި ރަޖިސްޓަރީކޮށްދީގެން ނުވާނެއެވެ.

  1. ފާހަގަކުރެވޭ ވަކި ހާއްސަވާ ސިފައެއް އެ ނިށާނުގައި ނެތުން؛
  2. އެ ނިށާނުގައި އެކުލެވޭ ހަމައެކަނި ފާހަގައަކީ، ވިޔަފާރީގައި އެ ނިށާން ބޭނުންކުރުމުގެ ސަބަބުން، މުދަލެއް ނުވަތަ ހިދުމަތެއްގެ ބާވަތް ނުވަތަ ފެންވަރު ނުވަތަ މިންވަރު ނުވަތަ އަގު، ނުވަތަ މުދަލެއް އުފައްދާފައިވާ ނުވަތަ ސަޕްލައިކޮށްފައިވާ ތަން ނުވަތަ ވަގުތު، ނުވަތަ ހިދުމަތެއް ފޯރުކޮށްދެވުނު ވަގުތު ދޭހަކޮށްދިނުމަށް ބޭނުންކުރެވޭ، ނުވަތަ މުދަލެއް ނުވަތަ ހިދުމަތެއްގެ އެނޫންވެސް ސިފައެއް ދޭހަކޮށްދިނުމަށް ބޭނުންކުރެވޭ ފާހަގައެއް ކަމުގައިވުން؛
  3. އެ ނިށާނުގައި އެކުލެވޭ ހަމައެކަނި ފާހަގައަކީ، އެ ވަގުތަކު އާންމުކޮށް ބޭނުންކުރެވޭ ބަސްމަގުގައި ނުވަތަ އިސްތިގްރާރުވެފައިވާ ވިޔަފާރީގެ ހަގީގީ އާދަކާދައިގައި، މުދަލެއް ނުވަތަ ހިދުމަތެއްގެ އާންމު ފާހަގައަކަށްވުން، ނުވަތަ މުދަލެއް ނުވަތަ ހިދުމަތެއްގެ އާންމު ނަމަކަށްވުން، ނުވަތަ މުދަލެއް ނުވަތަ ހިދުމަތެއްގެ ފަންނީ ނުވަތަ ސައިންޓިފިކް ނަމުގެ ގޮތުގައި ބަލައިގެންފައިވާ ނަމަކަށްވުން؛
  4. އެ ނިށާނުގައި އެކުލެވޭ ހަމައެކަނި ބައްޓަމަކީ އެ މުދަލުގެ ތަބީއަތާ ގުޅިފައިވާ ބައްޓަމަކަށްވުން ނުވަތަ މުދަލުގެ ފަންނީ ނަތީޖާއެއް ނުވަތަ އަމަލީ ފައިދާއެއް ހޯދޭނީ އެ ބައްޓަމުން ކަމަށްވުން ނުވަތަ އެ ބައްޓަމަކީ އެ މުދަލަކަށް އެކަށީގެންވާ ބޮޑު ކުރިއެރުމެއް ލިއްބައިދޭ ބައްޓަމަކަށްވުން؛
  5. އެއީ އާންމު ސުލޫކީ ހަމަތަކާ ހިލާފު ނިށާނެއް ކަމުގައިވުން؛
  6. އެ ނިށާނުގެ ސަބަބުން، އާންމުންނަށް ނުވަތަ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް، މުދަލެއް ނުވަތަ ހިދުމަތެއްގެ ޖިއޮގްރަފިކަލް އަސްލު ނުވަތަ ތަބީއަތް ނުވަތަ ފެންވަރު ނުވަތަ އެނޫންވެސް މުދަލުގެ ނުވަތަ ހިދުމަތުގެ ހާއްސަ ސިފަތައް އޮޅޭފަދަ ނުވަތަ އޮޅުންއަރާފަދަ ނިށާނަކަށްވުން؛
  7. ދައުލަތުގެ ކަމާބެހޭ މުއައްސަސާއެއްގެ ނުވަތަ ކަމާބެހޭ ބައިނަލްއަގްވާމީ ޖަމްއިއްޔާއަކުން ހުއްދަ ހޯދާފައިވާ ހާލަތުގައި ފިޔަވައި އެނޫން ހާލަތެއްގައި، އެ ނިށާނަކީ، އަންނަނިވި ތަކެތި ހިމެނޭ ނުވަތަ އެ ތަކެތިން އެކުލެވިފައިވާ ނިށާނެއް ކަމުގައިވުން.
    1. ދައުލަތެއްގެ ދިދައެއް
    2. ދައުލަތަކުން ރަސްމީ ހައިސިއްޔަތެއް ދީ، ޕެރިސް ކޮންވެންށަންގެ އާޓިކަލް (a)(3) 6per ގައުމުތަކަށް އަންގާފައިވާ، އަސްކަރީ އަދި ސަގާފީ ނިށާންތަކާއި، ދައުލަތުގެ ރަސްމީ ނިށާންތަކާއި އެނޫންވެސް އެފަދަ އެންމެހައި ނިށާންތަކާއި ފާހަގަތައް؛
    3. ޕެރިސް ކޮންވެންށަންގެ އާޓިކަލް (a)(3) 6per ދަށުން ގައުމުތަކަށް އަންގާފައިވާ، ބައިނަލްއަގްވާމީ މުއައްސަސާއެއްގެ ދިދަތަކާއި، އަސްކަރީ އަދި ސަގާފީ ނިށާންތަކާއި، ކުރުކޮށް ކިޔާ ނަންތަކާއި އެހެނިހެން ރަސްމީ ނިށާންތަކާއި ފާހަގަތައް؛
    4. މި މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގެ (i) އިން ފެށިގެން (iii) ގެ ނިޔަލަށް ބަޔާންކޮށްފައިވާ ތަކެތީގ،ެ ހެރާލްޑިކް ބާވަތުގެ ނަކަލުތައް.
    5. އެ ނިށާނަކީ، ދިވެހިރާއްޖޭގައި ބޭނުންކުރުން ގާނޫނީ ގޮތުން މަނާކޮށްފައިވާ ނިށާނެއް ކަމުގައިވުން.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، އެއްވެސް ނިށާނެއް ދިވެހިރާއްޖޭގައި މެދުކެނޑުމެއް ނެތި ދިގު މުއްދަތަކަށް ބޭނުންކުރުމުގެ ނަތީޖާއެއްގެ ގޮތުން، އެ ނިށާނަކީ ތަފާތު އަމިއްލަވަންތަ ސިފައެއް ލިބިފައިވާ ނިށާނެއް ކަމުގައި ރަޖިސްޓްރާރަށް ނުވަތަ ކޯޓަށް ނިންމިދާނެއެވެ. އަދި އެފަދަ ހާލަތެއްގައި، އެ ނިށާނަކީ މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރު ނުވަތަ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ނިށާނެއް ކަމުގައި ވީނަމަވެސް، އެފަދަ ނިށާނެއް ޓްރޭޑްމާރކެއްގެ ގޮތުގައި ރަޖިސްޓަރީކުރެވިދާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރު އެހެން އޮތްނަމަވެސް، މާރކެއް ބޭނުންކުރުމަށް ގަސްދުކޮށްފައިވާ މުދަލުގެ ނުވަތަ ހިދުމަތުގެ ތަބީއަތަކީ އެ މާރކެއް ރަޖިސްޓަރީކުރުމަށް ހުރަހަކަށް ވެގެންވާނެ ކަމެއް ނޫނެވެ.

 

15 ވަނަ މާއްދާ - އެހެން ފަރާތެއްގެ ހައްގަކާ ގުޅިގެން ޓްރޭޑްމާރކް ރަޖިސްޓަރީކޮށްނުދެވޭނެ ހާލަތްތައް

(ހ) އަންނަނިވި ބާވަތުގެ ނިށާންތައް ޓްރޭޑްމާރކްގެ ގޮތުގައި ރަޖިސްޓަރީކޮށްދީގެން ނުވާނެއެވެ.

  1. ރަޖިސްޓަރީކުރުމަށް ހުށަހަޅާފައިވާ ނިށާނަކީ:
    1. އެހެން ފަރާތަކުން ކުރިން ހުށަހަޅައި، އެ ފަރާތަކަށް ރަޖިސްޓަރީކޮށްދީފައިވާ މާރކަކާ ސީދާ އެއްގޮތް ނުވަތަ އެއްވައްތަރުގެ މާރކަކަށްވެފައި؛
    2. ރަޖިސްޓަރީކުރަން ހުށަހަޅާފައިވާ ނިށާން ނިސްބަތްވާ މުދާ ނުވަތަ ހިދުމަތަކީ، ރަޖިސްޓަރީކޮށްފައިވާ މާރކެއް ނިސްބަތްވާ މުދަލާ ނުވަތަ ހިދުމަތާ ސީދާ އެއްގޮތް ނުވަތަ އެއްވައްތަރުގެ މުދަލެއް ނުވަތަ ހިދުމަތަކަށްވުން؛ އަދި،
    3. އެފަދަ ނިށާނެއް ބޭނުންކުރުމުގެ ސަބަބުން އާންމުންނަށް އޮޅޭގޮތް ދިމާވުން.
  2. ރަޖިސްޓަރީކުރުމަށް ހުށަހަޅާފައިވާ ނިށާނަކީ:
    1. އެހެން ފަރާތަކުން ކުރިން ހުށަހަޅައި، އެ ފަރާތަކަށް އެހާތަނަށް ރަޖިސްޓަރީކޮށްދީފައިނުވާ މާރކެއްގެ ސައްހަ ހުށަހެޅުމުގައި ހިމެނޭ ނިށާނަކާ ސީދާ އެއްގޮތް ނުވަތަ އެއްވައްތަރުގެ ނިށާނަކަށްވެފައި؛
    2. އެ ދެ ނިށާންވެސް ނިސްބަތްވާ މުދާ ނުވަތަ ހިދުމަތަކީ ސީދާ އެއްގޮތް ނުވަތަ އެއްވައްތަރުގެ މުދަލެއް ނުވަތަ ހިދުމަތަކަށްވުން؛ އަދި
    3. އެފަދަ ނިށާނެއް ބޭނުންކުރުމުގެ ސަބަބުން އާންމުންނަށް އޮޅޭގޮތް ދިމާވުން.
  3. ރަޖިސްޓަރީކުރުމަށް ހުށަހަޅާފައިވާ ނިށާނަކީ:
    1. މަށްހޫރު މާރކަކާ ސީދާ އެއްގޮތް ނުވަތަ އެއްވައްތަރުގެ ނިށާނަކަށްވެފައި؛
    2. އެ ނިށާން ނިސްބަތްވާ މުދާ ނުވަތަ ހިދުމަތަކީ މަށްހޫރު މާރކް ނިސްބަތްވާ މުދަލާ ނުވަތަ ހިދުމަތާ ސީދާ އެއްގޮތް ނުވަތަ އެއްވައްތަރުގެ މުދަލެއް ނުވަތަ ހިދުމަތަކަށްވުން؛ އަދި،
    3. އެފަދަ ނިށާނެއް ބޭނުންކުރުމުގެ ސަބަބުން އާންމުންނަށް އޮޅޭގޮތް ދިމާވުން.
  4. ރަޖިސްޓަރީކުރުމަށް ހުށަހަޅާފައިވާ ނިށާނަކީ:
    1. މަށްހޫރު، ރަޖިސްޓަރީކުރެވިފައިވާ މާރކަކާ ސީދާ އެއްގޮތް ނުވަތަ އެއްވައްތަރުގެ ނިށާނަކަށްވެފައި؛
    2. އެ ނިށާން ނިސްބަތްވާ މުދާ ނުވަތަ ހިދުމަތަކީ މަށްހޫރު، ރަޖިސްޓަރީކުރެވިފައިވާ މާރކް ނިސްބަތްވާ މުދާ ނުވަތަ ހިދުމަތާ ސީދާ އެއްގޮތް ނުވަތަ އެއްވައްތަރުގެ މުދަލެއް ނުވަތަ ހިދުމަތަކަށް ނުވިނަމަވެސް؛
    3. އެ ނިށާން ބޭނުންކުރުމުގެ ސަބަބުން، އެ ނިށާން ނިސްބަތްވާ މުދަލަކާ ނުވަތަ ހިދުމަތަކާ، މަށްހޫރު، ރަޖިސްޓަރީކޮށްފައިވާ މާރކްގެ ވެރިފަރާތާ ދެމެދު ގުޅުމެއް އޮތްކަމަށް ދައްކުވައިދިނުން؛ އަދި
    4. އެ ނިށާން ބޭނުންކުރުމުގެ ސަބަބުން، ރަޖިސްޓަރީކޮށްފައިވާ މަށްހޫރު މާރކްގެ ވެރިފަރާތަށް ނުވަތަ އެ ފަރާތުގެ މަސްލަހަތަށް ގެއްލުންވުމުގެ ފުރުސަތު އޮތުން.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު އަދި (2) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، މާރކަކާ ސީދާ އެއްގޮތް ނިށާނެއް ބޭނުންކުރަނީ، އެ މާރކް ނިސްބަތްވާ މުދާ ނުވަތަ ހިދުމަތާ ސީދާ އެއްގޮތް މުދަލަކާ ނުވަތަ ހިދުމަތަކާ ގުޅޭގޮތުން ކަމަށްވާނަމަ، އެކަމުގެ ސަބަބުން އޮޅުންއެރުމުގެ ފުރުސަތު އޮތްކަމުގައި ބެލެވޭނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (4) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކޮށްފައިވާ ބާވަތުގެ ނިށާންތަކުގެ އިތުރުން، ކޮޕީރައިޓް ނުވަތަ އިންޑަސްޓްރިއަލް ޑިޒައިންސްއާބެހޭ ގާނޫނެއްގެ ދަށުން ތިންވަނަ ފަރާތަކަށް ލިބިދީފައިވާ ފިކުރީ މުދަލުގެ ހައްގެއްގެ ދަށުން އެ ނިށާން ބޭނުންކުރުން މަނާކޮށްފައިވާނަމަ، އެ ނިށާން ރަޖިސްޓަރީކޮށެއް ނުދެވޭނެއެވެ.

(ރ) ރަޖިސްޓަރީކުރަން ހުށަހަޅާފައިވާ ނިށާނަކީ ނުރަނގަޅު ނިޔަތެއްގައި ރަޖިސްޓަރީކުރަން ހުށަހަޅާފައިވާ ނިށާނެއް ކަމުގައިވާނަމަ، އެފަދަ ނިށާނެއް ރަޖިސްޓަރީކޮށެއް ނުދެވޭނެއެވެ.

(ބ) އަންނަނިވި ހާލަތުގައި، އަންނަނިވި ށަރުތުތައް ފުރިހަމަކުރުމާއެކު، ރަޖިސްޓަރީކޮށްފައިނުވާ، އަދި މި ގާނޫނާ އެއްގޮތަށް ރަޖިސްޓަރީކުރުމަށް ހުށަހަޅާފައިނުވާ މާރކެއް ބޭނުންކުރަމުންދާ ފަރާތަކަށް، އެހެން ފަރާތަކުން އެ މާރކް ރަޖިސްޓަރީކުރުމަށް ހުށަހެޅުން ހުއްޓުވިދާނެއެވެ.

  1. އެހެން ފަރާތަކުން ހުށަހަޅާ ހުށަހެޅުމަކީ އޭނާ ބޭނުންކުރަމުންދާ މާރކަކާ ސީދާ އެއްގޮތް ނުވަތަ އެއްވައްތަރުގެ މާރކަކަށްވެފައި، އެ ދެ މާރކްވެސް ނިސްބަތްވާ މުދާ ނުވަތަ ހިދުމަތަކީ ސީދާ އެއްގޮތް ނުވަތަ އެއްވައްތަރުގެ މުދަލެއް ނުވަތަ ހިދުމަތަކަށްވުން؛ 
  2. އެހެން ފަރާތަކުން މާރކް ރަޖިސްޓަރީކުރަން ހުށަހެޅުމުގެ ކުރިން، މަދުވެގެން 6 (ހައެއް) މަސްދުވަހުގެ މުއްދަތަކަށް، އެ ފަރާތުގެ މާރކ،ް ހެޔޮ ނިޔަތުގައި، ދިވެހިރާއްޖޭގައި ބޭނުންކުރަމުން ގޮސްފައިވާކަމުގެ ހެކި ހުށަހެޅުން؛
  3. އެ ފަރާތުގެ މުދާ ނުވަތަ ހިދުމަތްތައް އާންމުކޮށް ލިބިގަންނަ ކަސްޓަމަރުން ހުރިކަން ނުވަތަ އެ މުދާ ނުވަތަ ހިދުމަތަކީ ދިވެހިރާއްޖޭގައި ބަލައިގަންނަ މުދަލެއް ނުވަތަ ހިދުމަތެއްކަމުގެ ހެކި ހުށަހެޅުން؛ އަދި (4) އެ ފަރާތުގެ މާރކް ރަޖިސްޓަރީކުރުމަށްޓަކައި ހުށަހެޅުމެއް ފައިލްކުރުން.

 

16 ވަނަ މާއްދާ - މާރކް ރަޖިސްޓަރީކޮށްނުދެވިދާނެ ހާލަތެއް އޮތްތޯ ބެލުން

(ހ) މާރކެއް ރަޖިސްޓަރީކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުމަކާ ގުޅޭގޮތުން ގޮތެއް ކަނޑައެޅުމުގެ ގޮތުން، މި ގާނޫނުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން އެ ހުށަހެޅުމުގައި ފުރިހަމަވޭތޯ ބެލުމަށްޓަކައި، އަދި ރަޖިސްޓަރީކުރުމަށް ހުށަހެޅިފައިވާ މާރކް މި ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މާނަކުރުމުގެ ތެރެއަށް ފެތޭތޯ ބެލުމަށްޓަކައި އެ ހުށަހެޅުމެއް ރަޖިސްޓްރާރ ދިރާސާކުރަންވާނެއެވެ.

(ށ) މާރކެއް ރަޖިސްޓަރީކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުމަކާ ގުޅޭގޮތުން ގޮތެއް ކަނޑައެޅުމަށްޓަކައި މި ގާނޫނުގެ 13 ވަނަ މާއްދާގެ ދަށުން އިއުތިރާޒުކުރުމުގެ ނޯޓިހެއް ނުވަތަ އެފަދަ އެއް ނޯޓިހަށްވުރެ ގިނަ ނޯޓިސް ހުށަހަޅާފައިވާނަމަ، މި ގާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއް ހުށަހެޅިފައިވާ ހުށަހެޅުމުގައިވޭތޯ ބެލުމަށްޓަކައި އެ ހުށަހެޅުމެއް ރަޖިސްޓްރާރ ދިރާސާކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވުމުގެ ސަބަބުން މާރކް ރަޖިސްޓަރީކޮށްދެވެން ނެތްކަމަށް ރަޖިސްޓްރާރަށް ފެނިއްޖެނަމަ، މާރކް ރަޖިސްޓަރީކޮށްދެވެން ނެތް ސަބަބުތައް ބަޔާންކޮށް އެކަން، ހުށަހެޅުން ހުށަހެޅި ފަރާތަށް ރަޖިސްޓްރާރ އަންގަންވާނެއެވެ. އަދި އެފަދައިން އަންގާ އެންގުމެއް މެދުވެރިކޮށް، ހުށަހެޅުން އަނބުރާ ގެންދިޔުމަށް، ނުވަތަ އިސްލާހުކުރުމަށް، ނުވަތަ ރަޖިސްޓަރީކޮށްދެވެން ނެތްކަމަށް ބަޔާންކޮށްފައިވާ ސަބަބުތަކާ ގުޅޭގޮތުން ހުށަހެޅުން ހުށަހެޅި ފަރާތުން ދެކޭގޮތް 2 (ދޭއް) މަސްދުވަހުގެ ތެރޭގައި ރަޖިސްޓްރާރަށް ހުށަހެޅުމަށް އަންގަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ހުށަހެޅުން ހުށަހެޅި ފަރާތުން އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށް އަމަލުކޮށްފައިނުވާނަމަ، މާރކް ރަޖިސްޓަރީކޮށްދިނުމަށް ރަޖިސްޓްރާރ އިންކާރުކުރަންވާނެއެވެ.

  1. ހުށަހެޅުން އަނބުރާ ގެންގޮސްފައިނުވުން؛ ނުވަތަ
  2. ހުށަހެޅުން އިސްލާހުކޮށްފައިނުވުން؛ ނުވަތަ
  3. ރަޖިސްޓަރީކޮށްދެވެން ނެތްކަމަށް ބަޔާންކޮށްފައިވާ ސަބަބުތަކާ ގުޅޭގޮތުން އެއްވެސް ކަމެއް ފާހަގަކޮށް ހުށަހެޅުމެއް ހުށަހަޅާފައިނުވުން.

(ބ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ހުށަހެޅުން ހުށަހެޅި ފަރާތުން ހުށަހެޅުން އިސްލާހުކޮށްފައިވާނަމަ، ނުވަތަ ރަޖިސްޓަރީކޮށްދެވެން ނެތްކަމަށް ބަޔާންކޮށްފައިވާ ސަބަބުތަކާ ގުޅޭގޮތުން އެ ފަރާތުން ދެކޭގޮތް ބަޔާންކޮށް ހުށަހެޅުމެއް ހުށަހަޅާފައިވާނަމަ، އަދި އެ ހާލަތުގައި އެ ހުށަހެޅުން ނިސްބަތްވާ މާރކް ރަޖިސްޓަރީކޮށްދެވިދާނެ ކަމަށް ރަޖިސްޓްރާރަށް ގަބޫލުކުރެވޭނަމަ، ރަޖިސްޓްރާރ އަމަލުކުރަންވާނީ މި މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

(ޅ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ހުށަހެޅުން ހުށަހެޅި ފަރާތުން ހުށަހެޅުން އިސްލާހުކޮށްފައި ވީނަމަވެސް ނުވަތަ ރަޖިސްޓަރީކޮށްދެވެން ނެތްކަމަށް ބަޔާންކޮށްފައިވާ ސަބަބުތަކާ ގުޅޭގޮތުން އެ ފަރާތުން ދެކޭގޮތް ބަޔާންކޮށް ހުށަހެޅުމެއް ހުށަހަޅާފައި ވީނަމަވެސް، އެ ހާލަތުގައިވެސް އެ ހުށަހެޅުން ނިސްބަތްވާ މާރކް ރަޖިސްޓަރީކޮށްދެވެން ނެތްކަމަށް ރަޖިސްޓްރާރަށް ގަބޫލުކުރެވޭނަމަ، މާރކް ރަޖިސްޓަރީކޮށްދިނުމަށް ރަޖިސްޓްރާރ އިންކާރުކުރަންވާނެއެވެ.

(ކ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވުމުގެ ސަބަބުން މާރކް ރަޖިސްޓަރީކޮށްދެވެން ނެތްކަމަށް ރަޖިސްޓްރާރަށް ގަބޫލުކުރެވެނީ މާރކް ރަޖިސްޓަރީކުރަން ހުށަހަޅާފައިވާ މުދަލުގެ ނުވަތަ ހިދުމަތުގެ ވަކި ބަޔަކާ ގުޅޭގޮތުން ކަމަށްވާނަމަ، އެފަދަ ހުށަހެޅުމަކާ ގުޅިގެން އަމަލުކުރަންވާނީ އަންނަނިވި ފަދައިންނެވެ.

  1. މި މާއްދާގެ (ނ) އިން ފެށިގެން (ޅ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ މުދަލުގެ ނުވަތަ ހިދުމަތުގެ އެ ބަޔާ ބެހޭގޮތުން އަމަލުކުރުން؛ އަދި
  2. އެ މުދަލުގެ ނުވަތަ ހިދުމަތުގެ އެ ބަޔާ ބެހޭގޮތުން ވަކިގޮތެއް ކަނޑައެޅެންދެން، މި މާއްދާގެ (އ) ގައިވާ ގޮތުގެމަތިން އެ މާރކާމެދު އަމަލުނުކުރުން.

(އ) ރަޖިސްޓަރީކޮށްދިނުމަށް އެދި ހުށަހަޅާފައިވާ މާރކަކާ ގުޅޭގޮތުން މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއް މެދުވެރިވެފައިނުވާ ކަމަށް ރަޖިސްޓްރާރަށް ގަބޫލުކުރެވޭނަމަ، އެ މާރކް ރަޖިސްޓަރީކުރުމަށް ނިންމައި، މި ގާނޫނުގެ 19 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރަޖިސްޓްރާރ އަމަލުކުރަންވާނެއެވެ.

 

17 ވަނަ މާއްދާ - ހުށަހެޅުން ރަނގަޅުކުރުމާއި އިސްލާހުކުރުމާއި އަނބުރާ ގެންދިޔުން

(ހ) މާރކަށް ބަދަލެއް ގެނައުން ފިޔަވައި، އަދި ހުށަހެޅިފައިވާ ހުށަހެޅުމުގައި ބަޔާންކޮށްފައިވާ މުދާ ނުވަތަ ހިދުމަތުގެ ލިސްޓް ފުޅާކުރުން ފިޔަވައި، މި ގާނޫނުގެ ދަށުން މާރކެއް ރަޖިސްޓަރީކޮށްދިނުމަށް ހުށަހަޅާ ހުށަހެޅުމެއް ރަޖިސްޓަރީކުރުމުގެ މަރުހަލާގެ ތެރެއިން ކޮންމެ މަރުހަލާއެއްގައިވެސް، ހުށަހެޅުން ރަނގަޅުކުރުމާއި އިސްލާހުކުރުމުގެ އިހްތިޔާރު ހުށަހެޅުން ހުށަހަޅާ ފަރާތަށް ލިބިގެންވެއެވެ. އަދި އެފަދައިން އިސްލާހުކުރުމުގައި، އެ ހުށަހެޅުމުގައި ބަޔާންކޮށްފައިވާ މުދާ ނުވަތަ ހިދުމަތުގެ ލިސްޓް ހަނިކުރެވިދާނެއެވެ. ނުވަތަ އޭގައި ހިމެނޭ މުދާ ނުވަތަ ހިދުމަތް މަދުކުރެވިދާނެއެވެ.

(ށ) މާރކެއް ރަޖިސްޓަރީކުރުމަށް ހުށަހެޅުމަށްފަހު ކޮންމެ ވަގުތެއްގައިވެސް، ހުށަހެޅުން އަނބުރާ ގެންދިޔުމުގެ އިހްތިޔާރު،
ހުށަހެޅުން ހުށަހަޅާ ފަރާތަށް ލިބިގެންވެއެވެ.

 

18 ވަނަ މާއްދާ - ހުށަހަޅާފައިވާ ހުށަހެޅުން އެކި ހުށަހެޅުންތަކަށް ބަހާލުން

(ހ) މި ގާނޫނުގެ ދަށުން މާރކެއް ރަޖިސްޓަރީކޮށްދިނުމަށް ހުށަހަޅާ ހުށަހެޅުމެއް ރަޖިސްޓަރީކުރުމުގެ މަރުހަލާގެ ތެރެއިން ކޮންމެ މަރުހަލާއެއްގައިވެސް، ހުށަހެޅިފައިވާ ހުށަހެޅުމުގައި ބަޔާންކޮށްފައިވާ މުދާ ނުވަތަ ހިދުމަތުގެ ލިސްޓް ފުޅާކުރުން ނުހިމެނޭގޮތުން، ހުށަހަޅާފައިވާ ހުށަހެޅުމުގައި ބަޔާންކޮށްފައިވާ މުދާ ނުވަތަ ހިދުމަތްތައް
ދޭއް ނުވަތަ އެއަށްވުރެ ގިނަ ހުށަހެޅުންތަކަކަށް ބަހާލުމުގެ އިހްތިޔާރު ހުށަހެޅުން ހުށަހަޅާ ފަރާތަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅުމެއް ބަހާލައިފިނަމަ، އެފަދައިން ބަހާލާ ކޮންމެ ހުށަހެޅުމަކީ ވަކި މިނިވަން ހުށަހެޅުމެއް ކަމުގައި ބަލަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅުމެއް ބަހާލައިފިނަމަ، އެފަދައިން ބަހާލެވޭ ކޮންމެ ހުށަހެޅުމެއް ފައިލްކުރި ތާރީހުގެ ގޮތުގައި ބަލަންވާނީ ފުރަތަމަ ހުށަހެޅުނު ހުށަހެޅުން ފައިލްކުރި ތާރީހެވެ. އަދި ފުރަތަމަ ހުށަހެޅުނު ހުށަހެޅުމުގެ ދަށުން އިސްކަންދިނުމުގެ ހައްގު ލިބިދީފައިވާނަމަ، ބަހާލެވޭ ހުށަހެޅުންތަކުގެ މައްޗަށްވެސް އެ ހައްގު ދެމިއޮންނާނެއެވެ. އަދި މި ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން އެ ހުށަހެޅުން ށާއިއުކޮށްފައިވަނީ، އެ ހުށަހެޅުން ބަހާލުމުގެ ކުރިން ކަމުގައިވާނަމަ، އެ ވަކިވަކި ހުށަހެޅުންތައް ށާއިއުކުރެވުނު ތާރީހު ކަމުގައި ބަލާނީ، ފުރަތަމަ ހުށަހެޅުން ށާއިއުކުރި ތާރީހެވެ.

 

19 ވަނަ މާއްދާ - މާރކް ރަޖިސްޓަރީކޮށްދިނުން

ރަޖިސްޓަރީކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ޓްރޭޑްމާރކެއް ރަޖިސްޓަރީކޮށްދިނުމަށް، މި ގާނޫނުގެ 16 ވަނަ މާއްދާގެ (އ) ގެ ދަށުން ރަޖިސްޓްރާރ ނިންމައިފިނަމަ، އެ މާރކް ރަޖިސްޓަރީކޮށްދީ، މާރކް ރަޖިސްޓަރީކުރެވިފައިވާކަން ށާއިއުކުރަންވާނެއެވެ. އަދި ހުށަހެޅުން ހުށަހެޅި ފަރާތަށް މާރކްގެ ރަޖިސްޓްރޭށަން ސެޓިފިކެޓެއް ދޫކުރަންވާނެއެވެ.

 

20 ވަނަ މާއްދާ - ރަޖިސްޓްރޭށަންގެ މުއްދަތު

މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްދެވޭ ޓްރޭޑްމާރކެއްގެ ރަޖިސްޓްރޭށަންގެ މުއްދަތަކީ، އެ މާރކް ރަޖިސްޓަރީކުރެވޭ ތާރީހުން ފެށިގެން 10 (ދިހައެއް) އަހަރުދުވަހެވެ.

 

 

ތިންވަނަ ބައި - ރަޖިސްޓްރޭށަން އާކުރުމާއި، އިސްލާހުކުރުމާއި، ބާތިލުކުރުމާއި، އުވާލުން

 

21 ވަނަ މާއްދާ - އާކުރަން ރަޖިސްޓްރޭށަން އާކުރުން

(ހ) ރަޖިސްޓަރީކޮށްފައިވާ ޓްރޭޑްމާރކެއްގެ މުއްދަތު ޓްރޭޑްމާރކްގެ ވެރިފަރާތުން އެދޭނަމަ، އެ މުއްދަތު ހަމަވުމުގެ ކުރިން ރަޖިސްޓްރޭށަން އާކުރުމަށްޓަކައި ހުށަހެޅިދާނެއެވެ. އަދި އެފަދައިން ހުށަހަޅާ ހުށަހެޅުމެއްގައި، ޓްރޭޑްމާރކެއްގެ ރަޖިސްޓްރޭށަން އާކޮށްދިނުމާ ގުޅޭގޮތުން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ށަރުތުތައް ފުރިހަމަވުމުގެ އިތުރުން، ޓްރޭޑްމާރކްގެ ރަޖިސްޓްރޭށަން އާކުރުމަށްޓަކައި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ފީ ޓްރޭޑްމާރކްގެ މުއްދަތު ހަމަވުމުގެ ކުރިން ދައްކާފައިވާނަމަ، ޓްރޭޑްމާރކެއްގެ މުއްދަތު އިތުރު 10 (ދިހައެއް) އަހަރުދުވަހުގެ މުއްދަތަކަށް އާކުރެވިދާނެއެވެ.

(ށ) ރަޖިސްޓަރީކޮށްފައިވާ ޓްރޭޑްމާރކެއްގެ މުއްދަތު ހަމަވުމުގެ ކުރިން މި މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓްރޭށަން އާކުރުމަށް އެދި ހުށަހަޅާފައި ނުވިނަމަވެސް، ރަޖިސްޓަރީކޮށްފައިވާ ޓްރޭޑްމާރކެއްގެ މުއްދަތު ހަމަވާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ރަޖިސްޓްރޭށަން އާކުރުމަށް އެދި ހުށަހެޅުމެއް ހުށަހެޅިދާނެއެވެ. އަދި އެފަދައިން ހުށަހަޅާ ހުށަހެޅުމެއްގައި، ޓްރޭޑްމާރކެއްގެ ރަޖިސްޓްރޭށަން އާކޮށްދިނުމާ ގުޅޭގޮތުން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ށަރުތުތައް ފުރިހަމަވުމުގެ އިތުރުން އެ ގަވާއިދުގައި ކަނޑައަޅާ ޓްރޭޑްމާރކްގެ ރަޖިސްޓްރޭށަންގެ މުއްދަތު އާކުރުމުގެ ފީއާއި، ރަޖިސްޓްރޭށަންގެ މުއްދަތުގެ ތެރޭގައި އާކުރުމަށް ހުށަހަޅާފައިނުވާތީ ދައްކަންޖެހޭ ޕީ، ރަޖިސްޓްރޭށަންގެ މުއްދަތު ހަމަވާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ދައްކާފައިވާނަމަ، ޓްރޭޑްމާރކެއްގެ މުއްދަތު އިތުރު 10 (ދިހައެއް) އަހަރުދުވަހުގެ މުއްދަތަކަށް އާކޮށްދޭންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ނުވަތަ (ށ) ގެ ދަށުން މާރކެއްގެ ރަޖިސްޓްރޭށަން އާކޮށްފައިނުވާނަމަ، ރަޖިސްޓްރޭށަންގެ މުއްދަތު ހަމަވާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަސް ހަމަވުމާއެކު، އެ މާރކްގެ ރަޖިސްޓްރޭށަން ނިމުމަކަށް އަންނާނެއެވެ.

(ރ) މާރކެއްގެ ރަޖިސްޓްރޭށަން އާކުރުމަށް ހުށަހެޅުމުގައި އަމަލުކުރަންޖެހޭ ގޮތުގެ އުސޫލާއި، ރަޖިސްޓްރޭށަން އާކުރުމުގެ ފީ ދައްކަންވީގޮތުގެ އުސޫލާއި، ކަމާގުޅޭ އިޖުރާއަތުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

22 ވަނަ މާއްދާ - ކުށް ރަނގަޅުކުރުން 

(ހ) މާރކެއް ރަޖިސްޓަރީކުރުމުން ލިބިދޭ ހައްގުތަކަށް އަސަރުކުރާ ފަދަ ބޮޑެތި ކުށް ފިޔަވައި، މާރކެއްގެ ރަޖިސްޓްރޭށަންގައިވާ ލިޔުމުގެ ކުށެއް ނުވަތަ އިދާރީގޮތުން ހެދިފައިވާ އެނޫންވެސް ގޯހެއް ރަޖިސްޓްރާރަށް ރަނގަޅުކުރެވިދާނެއެވެ.

(ށ) މާރކެއްގެ ރަޖިސްޓްރޭށަންގައި ހިމެނ،ޭ އެ މާރކް ރަޖިސްޓަރީކުރުމުގެ ސަބަބުން ލިބިދޭ ހައްގުތަކަށް އަސަރުކުރާ ފަދަ ބޮޑު ކުށެއް ރަނގަޅުކުރެވޭނީ ހަމައެކަނި ކަމާބެހޭ ކޯޓަކަށެވެ.

 

23 ވަނަ މާއްދާ - ރަޖިސްޓްރޭށަން ބައިކުރުން

(ހ) މާރކެއްގެ ރަޖިސްޓްރޭށަންގެ ސައްހަކަމާމެދު ތިންވަނަ ފަރާތަކުން ސުވާލު އުފައްދާފައިވާ ހާލަތުގައި، ނުވަތަ އެކަމާ ގުޅިގެން ރަޖިސްޓްރާރ ނިންމާ ނިންމުމެއް ށަރީއަތަށް ހުށަހަޅާފައިވާ ހާލަތުގައި، އެ ރަޖިސްޓްރޭށަންގައި ހިމެނޭ މުދާ ނުވަތަ ހިދުމަތްތައް، ދެ ބަޔަށް ނުވަތަ އެއަށްވުރެ ގިނަ ބަޔަށް ބަހާލުމުގެ އިހްތިޔާރު މާރކް ރަޖިސްޓަރީކުރަން ހުށަހެޅި ފަރާތަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓްރޭށަނެއް ބަހާލައިފިނަމަ، އެފަދައިން ބަހާލެވޭ ކޮންމެ ބަޔަކީވެސް ވަކި މިނިވަން ރަޖިސްޓްރޭށަނެއް ކަމުގައި ބަލަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓްރޭށަނެއް ބައިތަކަކަށް ބަހާލާނަމަ، އެފަދައިން ބަހާލެވޭ ކޮންމެ ބައެއްގެ ފައިލްކުރި ތާރީހު ކަމުގައި ބަލަންވާނީ ފުރަތަމަ ރަޖިސްޓްރޭށަންގެ ފައިލްކުރި ތާރީހެވެ. އަދި އެފަދައިން ރަޖިސްޓްރޭށަން ބަހާލާއިރު، ފުރަތަމަ ރަޖިސްޓްރޭށަންގެ ދަށުން އިސްކަންދިނުމުގެ ހައްގު ލިބިދީފައިވާނަމަ، ބަހާލެވޭ ކޮންމެ ރަޖިސްޓްރޭށަނެއްގެ މައްޗަށްވެސް އެ ހައްގު ދެމިއޮންނާނެއެވެ.

 

24 ވަނަ މާއްދާ - ރަޖިސްޓްރޭށަން ބާތިލުކުރުން

(ހ) ކަމުގެ މަސްލަހަތު އޮތް ފަރާތަކުން ކޯޓަށް ހުށަހަޅާ މައްސަލައެއްގައި، ރަޖިސްޓަރީކޮށްދީފައިވާ ނިށާނަކީ، މި ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކުރާ "މާރކް" ގެ މާނައިގެ ތެރެއަށް ނުފެތޭ ނިށާނެއްކަން ސާބިތުކޮށްދީފިނަމަ، ނުވަތަ ރަޖިސްޓަރީކޮށްދީފައިވާ ނިށާނަކީ މި ގާނޫނުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސަބަބަށްޓަކައި ރަޖިސްޓަރީކޮށްދެވިގެންވާނެ ނިށާނެއް ނޫންކަމުގައި ސާބިތުކޮށްދީފިނަމަ، އެ މާރކެއްގެ ރަޖިސްޓްރޭށަން ކޯޓުން ބާތިލުކުރަންވާނެއެވެ.

(ށ) ކަމުގެ މަސްލަހަތު އޮތް ފަރާތަކުން ރަޖިސްޓްރާރަށް ހުށަހަޅާ މައްސަލައެއްގައި، ރަޖިސްޓަރީކޮށްދީފައިވާ މާރކަކާ ގުޅޭގޮތުން މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ކަމެއް ސާބިތުވާ ކަމަށް ރަޖިސްޓްރާރަށް ފެނިއްޖެނަމަ، ނުވަތަ އެނޫންވެސް ގޮތަކުން ރަޖިސްޓްރާރަށް އެއިން ކަމެއް ސާބިތުވެއްޖެނަމަ، އެ މާރކެއްގެ ރަޖިސްޓްރޭށަން ރަޖިސްޓްރާރ ބާތިލުކުރަންވާނެއެވެ.

(ނ) ކަމުގެ މަސްލަހަތު އޮތް ފަރާތަކުން ކޯޓަށް ނުވަތަ ރަޖިސްޓްރާރަށް ހުށަހަޅާ މައްސަލައެއްގައި، ރަޖިސްޓަރީކޮށްދީފައިވާ ނިށާނަކީ މި ގާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސަބަބަށްޓަކައި ރަޖިސްޓަރީކޮށްދެވިގެންވާނެ ނިށާނެއް ނޫންކަމުގައި ސާބިތުކޮށްދީފިނަމަ، ރަޖިސްޓަރީކޮށްފައިވާ މުޅި މާރކްގެ ނުވަތަ އެ މާރކްގެ ކަމާބެހޭ ބައެއްގެ ރަޖިސްޓްރޭށަން ކޯޓުން ނުވަތަ ރަޖިސްޓްރާރ ބާތިލުކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ނުވަތަ (ށ) ގެ ދަށުން މާރކެއްގެ ރަޖިސްޓްރޭށަނެއް ބާތިލުކޮށްދިނުމަށް އެދި ކޮންމެ ވަގުތެއްގައިވެސް ހުށަހެޅިދާނެއެވެ.

(ބ) މާރކެއްގެ ރަޖިސްޓްރޭށަން ހޯދާފައިވަނީ ނުރަނގަޅު ނިޔަތެއްގައި ކަމުގައިވާ ހާލަތުގައި ފިޔަވައި އެނޫން ހާލަތްތަކުގައި، މި މާއްދާގެ (ނ) ގެ ދަށުން މާރކެއްގެ ރަޖިސްޓްރޭށަން ބާތިލުކޮށްދިނުމަށް އެދި ހުށަހެޅޭނީ، އެ މާރކް ރަޖިސްޓަރީކުރެވުނު ތާރީހުން ފެށިގެން 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައެވެ.

(ޅ) ރަޖިސްޓްރޭށަން ބާތިލުކުރެވިދާނެ ސަބަބުތައް ކުރިމަތިވެފައިވަނީ ރަޖިސްޓަރީކުރެވިފައިވާ މާރކް ނިސްބަތްވާ މުދަލާއި ހިދުމަތުގެ ތެރެއިން ބައެއް މުދާ ނުވަތަ ހިދުމަތާ ގުޅޭގޮތުން ކަމަށްވާނަމަ، މި މާއްދާގެ ދަށުން ރަޖިސްޓްރޭށަން ބާތިލުކުރަންވާނީ، ހަމައެކަނި އެ މުދަލެއް ނުވަތަ ހިދުމަތަކާ ގުޅޭގޮތުންނެވެ.

(ކ) މި މާއްދާގެ ދަށުން މާރކެއްގެ ރަޖިސްޓްރޭށަން ބާތިލުކުރުމުގެ ނަތީޖާއަކީ، އެ މާރކްގެ ރަޖިސްޓްރޭށަން ބާތިލުކޮށްފައިވަނީ މާރކް ރަޖިސްޓަރީކުރެވުނު ތާރީހުން ފެށިގެން ކަމުގައި ބެލުމެވެ.

(އ) މި މާއްދާގެ ދަށުން ރަޖިސްޓްރޭށަނެއް ބާތިލުކުރުމާއެކު، ވީ އެންމެ އަވަހަކަށް ރަޖިސްޓްރާރ އެކަން ރެކޯޑުކޮށް، ށާއިއުކުރަންވާނެއެވެ.

 

25 ވަނަ މާއްދާ - ރަޖިސްޓްރޭށަން އުވާލުން

(ހ) އެއްވެސް ފަރާތެއް ކޯޓަށް ނުވަތަ ރަޖިސްޓްރާރަށް ހުށަހަޅާ މައްސަލައެއްގައި، ރަޖިސްޓަރީކޮށްދީފައިވާ މާރކަކާ ގުޅޭގޮތުން އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ސާބިތުވެއްޖެނަމަ، އެ މާރކެއްގެ ރަޖިސްޓްރޭށަން، ކޯޓުން ނުވަތަ ރަޖިސްޓްރާރ އުވާލަންވާނެއެވެ.

  1. މާރކް ރަޖިސްޓަރީކުރެވުނު ތާރީހުން ފެށިގެން 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި، އެ މާރކް ނިސްބަތްވާ މުދާ ނުވަތަ ހިދުމަތާ ގުޅުވައިގެން، އެކަށީގެންވާ ގޮތެއްގައި، ދިވެހިރާއްޖޭގައި އެ މާރކް ބޭނުންކޮށްފައިނުވުން. އަދި އެފަދައިން މާރކްގެ ބޭނުންނުކުރުމަށް އެކަށީގެންވާ ސަބަބެއް ނެތުން؛
  2. 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަކަށް، މެދުކެނޑުމެއް ނެތި، އެ މާރކްގެ ބޭނުންކުރުން ހުއްޓިފައި އޮތުން؛ އަދި އެފަދައިން މާރކްގެ ބޭނުންނުކުރުމަށް އެކަށީގެންވާ ސަބަބެއް ނެތުން؛
  3. މާރކްގެ ވެރިފަރާތުން ކޮށްފައިވާ ނުވަތަ ނުކޮށް ދޫކޮށްލާފައިވާ އަމަލެއްގެ ސަބަބުން، އެ މާރކް ނިސްބަތްވާ މުދަލެއް ނުވަތަ ހިދުމަތެއްގެ ވާދަވެރިންނަށް، އެ މުދަލަކާ ނުވަތަ ހިދުމަތަކާ ގުޅިގެން ބޭނުންކުރެވޭނެ ހަމައެކަނި އާންމު ނަމަށް އެ މާރކް ވ،ެ ވިޔަފާރީގެ އާންމު ބޭނުންތަކުގައި އެ މާރކްގެ ބޭނުންނުކޮށް ނުވާ ދަރަޖައަށް މާރކްގެ ބޭނުން އާންމުވެފައިވުން؛ ނުވަތަ
  4. މާރކްގެ ވެރިފަރާތުން ނުވަތަ އެ ފަރާތުގެ ހުއްދައާއެކު އެހެން ފަރާތަކުން، މާރކްގެ ބޭނުންކޮށްފައިވާ ގޮތުގެ ސަބަބުން، މާރކް ނިސްބަތްވާ މުދަލުގެ ނުވަތަ ހިދުމަތުގެ ތަބީއަތާ ގުޅޭގޮތުން ނުވަތަ ފެންވަރާ ގުޅޭގޮތުން ނުވަތަ އުފައްދާފައިވާ ތަނާ ގުޅޭގޮތުން ނުވަތަ އެނޫންވެސް ކަމަކާ ގުޅޭގޮތުން އާންމުންނަށް އޮޅުންއަރާފަދަ ހާލަތެއް މެދުވެރިވެފައިވުން.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، މާރކެއްގެ ބޭނުންކުރުން ކަމަށް ބުނެފައި އެވަނީ، އެ މާރކް ރަޖިސްޓަރީކުރެވުނު ގޮތުގައި ސީދާ ބޭނުންނުކޮށް، އެހެންނަމަވެސް އެ މާރކްގެ ހާއްސަވާ ސިފަތައް ނުގެއްލޭ ފަދަ ތަފާތު ގޮތަކަށް އެ މާރކްގެ ބޭނުންކުރާ ކުރުން ހިމެނޭގޮތުންނެވެ. އަދި މާރކެއް ދިވެހިރާއްޖޭގައި ބޭނުންކުރުމުގެ މާނައިގައި، ހަމައެކަނި ދިވެހިރާއްޖެއިން މުދާ އެކްސްޕޯޓުކުރުމަށްޓަކައި އެކްސްޕޯޓުކުރާ މުދަލުގައި ނުވަތަ އެ މުދަލުގެ ޕެކޭޖިންގގައި މާރކް ޖެހުންވެސް ހިމެނެއެވެ.

(ނ) މި ގާނޫނުގެ ދަށުން ކުރިއަށްގެންދާ ށަރީއަތެއްގައި ނުވަތަ ރަޖިސްޓްރާރ ހިންގާ އިޖުރާއަތެއްގައި، މާރކް ބޭނުންކުރެވިފައިވާ މުއްދަތާއި، ބޭނުންކުރެވިފައިވާ ތަބީއަތާއި ދާއިރާ ހިމެނޭގޮތުން، މާރކެއް ބޭނުންކުރެވިފައިވާ ގޮތް ސާބިތުކޮށްދޭންޖެހިއްޖެނަމަ، އެކަން ސާބިތުކޮށްދިނުމުގެ ޒިންމާ އުފުލާނީ، މާރކްގެ ވެރިފަރާތުންނެވެ.

(ރ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު އަދި (2) ވަނަ ނަންބަރުގައި ބަޔާންކުރާ މުއްދަތު ހަމަވާ ފަހުން، އަދި މާރކެއްގެ ރަޖިސްޓްރޭށަން އުވާލުމަށް ހުށަހެޅުމުގެ މަދުވެގެން 1 (އެކެއް) މަސްދުވަހުގެ ކުރިން، އެ މާރކް ބޭނުންކުރަން ފަށާފައިވާނަމަ، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު އަދި (2) ވަނަ ނަންބަރުގައި ބަޔާންކުރާ ހާލަތުގައި މާރކްގެ ރަޖިސްޓްރޭށަން އުވާލައިގެން ނުވާނެއެވެ.

(ބ) ރަޖިސްޓްރޭށަން އުވާލެވިދާނެ ސަބަބުތައް ކުރިމަތިވެފައިވަނީ ރަޖިސްޓަރީކުރެވިފައިވާ މާރކް ނިސްބަތްވާ މުދަލާއި ހިދުމަތްތަކުގެ ތެރެއިން ބައެއް މުދަލާ ނުވަތަ ހިދުމަތާ ގުޅޭގޮތުން ކަމަށްވާނަމަ، މި މާއްދާގެ ދަށުން ރަޖިސްޓްރޭށަން އުވާލަންވާނީ ހަމައެކަނި އެ މުދަލެއް ނުވަތަ ހިދުމަތަކާ ގުޅޭގޮތުންނެވެ.

(ޅ) މި މާއްދާގެ ދަށުން މާރކެއްގެ ރަޖިސްޓްރޭށަން އުވާލުމުގެ ނަތީޖާއަކަށްވާނީ، އެ ރަޖިސްޓްރޭށަން އުވާލުމަށް މެދުވެރިވި ހާލަތު ފުރިހަމަވި ވަގުތުން ފެށިގެން، އެ ރަޖިސްޓްރޭށަންގެ ނުވަތަ އެ ރަޖިސްޓްރޭށަންގެ އުވާލާފައިވާ ބައިގެ ގާނޫނީ ބާރު ކެނޑިގެންދިޔުމެވެ.

(ކ) މި މާއްދާގެ ދަށުން ރަޖިސްޓްރޭށަނެއް އުވާލައިފިނަމަ، ވީ އެންމެ އަވަހަކަށް ރަޖިސްޓްރާރ އެކަން ރެކޯޑުކޮށް، ށާއިއުކުރަންވާނެއެވެ.

 

 

ހަތަރުވަނަ ބާބު

މާރކްގެ މިލްކުވެރިކަން ބަދަލުކުރުމާއި ބޭނުންކުރުމުގެ ލައިސަންސް ދޫކުރުން

 

26 ވަނަ މާއްދާ - މިލްކުވެރިކަން ބަދަލުކުރުން ރެކޯޑުކުރުން

(ހ) ރަޖިސްޓަރީކޮށްފައިވާ މާރކެއްގެ މިލްކުވެރިކަމަށް އަންނަ ބަދަލުތައް، ރަޖިސްޓްރާރ ރެކޯޑުކޮށް ށާއިއުކުރަންވާނެއެވެ.

(ށ) ރަޖިސްޓަރީކޮށްފައިވާ މާރކެއްގެ ނުވަތަ ރަޖިސްޓަރީކޮށްދިނުމަށް ހުށަހަޅާފައިވާ މާރކެއްގެ ވެރިފަރާތުގެ ރެކޯޑު ބަދަލުކުރުމަށް އެދި، ރަޖިސްޓަރީކޮށްފައިވާ މާރކްގެ ވެރިފަރާތަށް ނުވަތަ ރަޖިސްޓަރީކޮށްދިނުމަށް ހުށަހަޅާފައިވާ މާރކްގެ މިލްކުވެރިކަން ބަދަލުވެފައިވާ ފަރާތަށް ރަޖިސްޓްރާރަށް ހުށަހެޅިދާނެއެވެ.

(ނ) ރަޖިސްޓަރީކޮށްފައިވާ މާރކެއްގެ ނުވަތަ ރަޖިސްޓަރީކޮށްދިނުމަށް ހުށަހަޅާފައިވާ މާރކެއްގެ ވެރިފަރާތުގެ ރެކޯޑު ބަދަލުކުރުމަށް މި މާއްދާގެ (ށ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމެއް އެފަދައިން ރެކޯޑުކޮށްދެވޭނީ، އެ ހުށަހެޅުމަކީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާ ހުށަހެޅުމަކަށް ވާނަމައެވެ.

(ރ) ރަޖިސްޓަރީކޮށްފައިވާ މާރކެއްގެ ނުވަތަ ރަޖިސްޓަރީކުރަން ހުށަހަޅާފައިވާ މާރކެއްގެ މިލްކުވެރިކަން ބަދަލުވުމުގެ ސަބަބުން ތިންވަނަ ފަރާތެއްގެ ހައްގަކަށް އެއްވެސް އަސަރެއް ކުރާނީ، މި މާއްދާގައިވާ ގޮތުގެމަތިން އެ ބަދަލެއް ރެކޯޑުކުރެވުމުންނެވެ.

 

27 ވަނަ މާއްދާ - ބޭނުންކުރުމުގެ ލައިސަންސްގެ މައުލޫމާތު ރެކޯޑުކުރުން

(ހ) ރަޖިސްޓަރީކޮށްފައިވާ މާރކެއް ބޭނުންކުރުމަށް ދޫކޮށްފައިވާ ލައިސަންސްތަކުގެ މައުލޫމާތު، ރަޖިސްޓްރާރ ރެކޯޑުކޮށް، ށާއިއުކުރަންވާނެއެވެ. 

(ށ) ރަޖިސްޓަރީކޮށްފައިވާ މާރކެއް ބޭނުންކުރުމުގެ ލައިސަންސް، ލައިސަންސިންގ ކޮންޓްރެކްޓެއްގެ ދަށުން ދޫކޮށްފައިވާކަމުގެ މައުލޫމާތު ރެކޯޑުކޮށްދިނުމަށް އެދި، ރަޖިސްޓަރީކޮށްފައިވާ މާރކްގެ ވެރިފަރާތުން ރަޖިސްޓްރާރަށް ހުށަހެޅިދާނެއެވެ.

(ނ) ރަޖިސްޓަރީކޮށްފައިވާ މާރކެއް ބޭނުންކުރުމުގެ ލައިސަންސެއްގެ މައުލޫމާތު ރެކޯޑުކޮށްދިނުމަށް އެދި މި މާއްދާގެ (ށ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމެއް އެފަދައިން ރެކޯޑުކޮށްދެވޭނީ، އެ ހުށަހެޅުމަކީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާ ހުށަހެޅުމަކަށް ވާނަމައެވެ.

(ރ) ރަޖިސްޓަރީކޮށްފައިވާ މާރކެއް ބޭނުންކުރުމަށް ވެވޭ ލައިސަންސިންގ ކޮންޓްރެކްޓެއްގެ ސަބަބުން ތިންވަނަ ފަރާތެއްގެ ހައްގަކަށް އެއްވެސް އަސަރެއް ކުރާނީ، މި މާއްދާގައިވާ ގޮތުގެމަތިން އެ ލައިސަންސްގެ މައުލޫމާތު ރެކޯޑުކުރެވުމުންނެވެ.

 

 

ފަސްވަނަ ބާބު

ސެޓިފިކޭށަން މާރކް އަދި ކަލެކްޓިވް މާރކް

 

28 ވަނަ މާއްދާ - ސެޓިފިކޭށަން މާރކް

(ހ) މި ގާނޫނުގައި، "ސެޓިފިކޭށަން މާރކް" ކަމަށް ބުނެފައި އެވަނީ، އެ މާރކް ނިސްބަތްކުރެވޭ މުދާ ނުވަތަ ހިދުމަތަކީ، އެ މުދަލެއްގެ އަސްލަށް ނުވަތަ އޭގައި އެކުލެވިގެންވާ މާއްދާތަކަށް ނުވަތަ އެ އެއްޗެއް ތައްޔާރުކުރެވޭ ގޮތަށް ނުވަތަ ހިދުމަތެއް ފޯރުކޮށްދެވޭ ގޮތަށް ނުވަތަ މުދަލެއް ނުވަތަ ހިދުމަތެއްގެ ފެންވަރު ނުވަތަ އެކިއުރެސީ ނުވަތަ އެނޫންވެސް ހާއްސަ ސިފަތަކަށް ބިނާކޮށް، އެ މާރކްގެ ވެރިފަރާތުން ސެޓިފައިކޮށްފައިވާ މުދަލެއް ނުވަތަ ހިދުމަތެއްކަން ދައްކުވައިދޭ މާރކަކަށެވެ.

(ށ) މި ގާނޫނުގެ 4 ވަނަ މާއްދާއިން ފެށިގެން 27 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ބަޔާންކުރާ އުސޫލުތަކާއި އިޖުރާއަތުތައް، ކަމާގުޅޭ ނިސްބަތަށް، ސެޓިފިކޭށަން މާރކްތަކުގެ މައްޗަށް ހިނގާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ބޭނުމަށް، ސެޓިފިކޭށަން މާރކްތަކާ ގުޅޭގޮތުން މި ގާނޫނުގެ 4 ވަނަ މާއްދާއިން ފެށިގެން 27 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ބަޔާންކުރާ އުސޫލުތަކާއި އިޖުރާއަތުތަކަށް ގެނެވޭ ބަދަލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ރަޖިސްޓްރާރ
ބަޔާންކުރަންވާނެއެވެ.

 

29 ވަނަ މާއްދާ - ސެޓިފިކޭށަން މާރކް ރަޖިސްޓަރީކުރުމާއި ބޭނުންކުރުން

(ހ) ސެޓިފިކޭށަން މާރކެއް ރަޖިސްޓަރީކުރަން ހުށަހަޅާ ހުށަހެޅުމެއްގައި އެ މާރކަކީ ސެޓިފިކޭށަން މާރކެއްކަން ކަނޑައަޅާފައި އޮންނަންވާނެއެވެ. އަދި އެ ހުށަހެޅުމާއެކު، އެ މާރކް ބޭނުންކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކުގެ ކޮޕީއެއް ހިމަނަންވާނެއެވެ.

(ށ) ސެޓިފިކޭށަން މާރކް ބޭނުންކުރުމުގައި އަމަލުކުރަންޖެހ،ޭ މި މާއްދާގެ (ހ) ގައި ބަޔާންކުރާ އުސޫލުތައް ރަޖިސްޓްރާރ ށާއިއުކުރަންވާނެއެވެ. އަދި އެ އުސޫލުތަކަށް ގެނެވޭ ކޮންމެ ބަދަލެއް ރަޖިސްޓްރާރަށް އަންގައި، ރަޖިސްޓްރާރ އެ ބަދަލުތައް ރެކޯޑުކުރަންވާނެއެވެ.

(ނ) ސެޓިފިކޭށަން މާރކެއްގެ ވެރިފަރާތަކުން، އެ ފަރާތުގެ އަމިއްލަ މުދަލާއި ހިދުމަތްތައް ސެޓިފައިކުރުމަށްޓަކައި އެ މާރކް ބޭނުންކޮށްގެން ނުވާނެއެވެ.

(ރ) ސެޓިފިކޭށަން މާރކެއްގެ ވެރިފަރާތުން، މި މާއްދާގެ (ނ) އާ ހިލާފުވެއްޖެނަމަ، ނުވަތަ މި މާއްދާގެ (ހ) ގައި ބަޔާންކުރާ އުސޫލުތަކާ ހިލާފަށް އެ މާރކް ބޭނުންކުރަން އެހެން ފަރާތްތަކަށް ހުއްދަދޭނަމަ، ނުވަތަ ވިޔަފާރީގެ ބާޒާރަށާއި އާންމުންނަށް އެ މާރކް ނިސްބަތްވާ މުދަލުގެ ނުވަތަ ހިދުމަތުގެ އަސްލާއި އެހެނިހެން ހާއްސަ ސިފަތައް އޮޅޭގޮތަށް އެ މާރކް ބޭނުންކުރަން އެހެން ފަރާތްތަކަށް ހުއްދަދޭނަމަ، އެ ސެޓިފިކޭށަން މާރކްގެ ރަޖިސްޓްރޭށަން ރަޖިސްޓްރާރ ނުވަތަ
ކޯޓުން ބާތިލުކުރަންވާނެއެވެ.

 

30 ވަނަ މާއްދާ - ކަލެކްޓިވް މާރކް

(ހ) މި ގާނޫނުގައި، "ކަލެކްޓިވް މާރކް" ކަމަށް ބުނެފައި އެވަނީ، ކޯޕަރޭޓިވްއާއި، އެސޯސިއޭށަންއާއި، ސިނާއަތްތަކުގެ ނުވަތަ އުފެއްދުންތެރިންގެ ނުވަތަ ވިޔަފާރިވެރިންގެ ފެޑަރޭށަން ފަދަ ކަލެކްޓިވް ޖަމްއިއްޔާއަކަށް ނިސްބަތްވާ، އެ ކަލެކްޓިވް ޖަމްއިއްޔާއެއްގެ މެންބަރުންގެ މުދާ ނުވަތަ ހިދުމަތްތައް އެހެން ފަރާތްތަކުގެ މުދާ ނުވަތަ ހިދުމަތްތަކާ ތަފާތުކޮށްދޭ މާރކަކަށެވެ.

(ށ) މި ގާނޫނުގެ 4 ވަނަ މާއްދާއިން ފެށިގެން 27 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ބަޔާންކުރާ އުސޫލުތަކާއި އިޖުރާއަތުތައް، ކަމާގުޅޭ ނިސްބަތަށް، ކަލެކްޓިވް މާރކްތަކުގެ މައްޗަށް ހިނގާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ބޭނުމަށް، ކަލެކްޓިވް މާރކްތަކާ ގުޅޭގޮތުން މި ގާނޫނުގެ 4 ވަނަ މާއްދާއިން ފެށިގެން 27 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ބަޔާންކުރާ އުސޫލުތަކާއި އިޖުރާއަތުތަކަށް ގެނެވޭ ބަދަލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ރަޖިސްޓްރާރ ބަޔާންކުރަންވާނެއެވެ.

 

31 ވަނަ މާއްދާ - ކަލެކްޓިވް މާރކް ރަޖިސްޓަރީކުރުމާއި ބޭނުންކުރުން

(ހ) ކަލެކްޓިވް މާރކެއް ރަޖިސްޓަރީކުރަން ހުށަހަޅާ ހުށަހެޅުމެއްގައި، އެ މާރކަކީ ކަލެކްޓިވް މާރކެއްކަން ކަނޑައަޅާފައި އޮންނަންވާނެއެވެ. އަދި އެ ހުށަހެޅުމާއެކު، އެ މާރކް ބޭނުންކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކުގެ ކޮޕީއެއް ހިމަނަންވާނެއެވެ.

(ށ) ކަލެކްޓިވް މާރކް ބޭނުންކުރުމުގައި އަމަލުކުރަންޖެހ،ޭ މި މާއްދާގެ (ހ) ގައި ބަޔާންކުރާ އުސޫލުތައް ރަޖިސްޓްރާރ ށާއިއުކުރަންވާނެއެވެ. އަދި އެ އުސޫލުތަކަށް ގެނެވޭ ކޮންމެ ބަދަލެއް ރަޖިސްޓްރާރަށް އަންގައި، ރަޖިސްޓްރާރ އެ ބަދަލުތައް ރެކޯޑުކުރަންވާނެއެވެ.

(ނ) ކަލެކްޓިވް މާރކެއް ރަޖިސްޓަރީކުރަން ހުށަހަޅާ ފަރާތަކީ ނުވަތަ އެފަދަ މާރކެއްގެ ވެރިފަރާތަކީ ސިނާއަތެއް ނުވަތަ ވިޔަފާރިއެއް ގާއިމުކޮށްފައިވާ ފަރާތަކަށްވުން ލާޒިމެއް ނޫނެވެ.

(ރ) ކަލެކްޓިވް މާރކެއް ބޭނުންކުރުމުގެ ހުއްދަ އެހެން ފަރާތަކަށް ދިނުމަށްޓަކައި ލައިސަންސިންގ ކޮންޓްރެކްޓެއް ހެދުމަކީ މި ގާނޫނު ހުއްދަކުރާ ކަމެއް ނޫނެވެ.

 

 

ހަވަނަ ބާބު

ތަންފީޒީ ފިޔަވަޅުތައް

އެއްވަނަ ބައި - ޓްރޭޑްމާރކާގުޅޭ ހައްގަކަށް އަރައިގަތުމުގެ އަމަލުތަކާއި މަދަނީ ފަރުވާ

 

32 ވަނަ މާއްދާ - މާރކަކާގުޅޭ ހައްގަކަށް އަރައިގަތުން

(ހ) ރަޖިސްޓަރީކޮށްފައިވާ މާރކެއްގެ ވެރިފަރާތުގެ ހުއްދަ ލިބިގެން ނޫން ގޮތަކަށް، އެއްވެސް ފަރާތަކުން މި ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ދިވެހިރާއްޖޭގައި ހިންގައިފިނަމަ، މާރކާގުޅޭ ހައްގަކަށް އަރައިގަނެވުނީ ކަމުގައި ބެލެވޭނެއެވެ.

(ށ) ރަޖިސްޓަރީކޮށްފައިނުވާ، އެހެންނަމަވެސް މަށްހޫރު މާރކަކާ ސީދާ އެއްގޮތް ނުވަތަ އެއްވައްތަރު ނިށާނެއް، އެ މާރކް ނިސްބަތްވާ މުދާ ނުވަތަ ހިދުމަތާ ސީދާ އެއްގޮތް ނުވަތަ އެއްވައްތަރު މުދަލަކަށް ނުވަތަ ހިދުމަތަކަށް ނިސްބަތްކޮށް، ހުއްދަނެތި ބޭނުންކުރާނަމަ، އަދި އެކަމުގެ ސަބަބުން އާންމުންނަށް އޮޅޭގޮތް މެދުވެރިވުމަކީ އެކަށީގެންވާ ކަމެއްނަމަ، އެއީވެސް މާރކަކާގުޅޭ ހައްގަކަށް އަރައިގަތުން ކަމުގައި ބެލެވޭނެއެވެ.

 

33 ވަނަ މާއްދާ - ކޯޓަށް މައްސަލަ ހުށަހެޅުން

އެއްވެސް ފަރާތަކުން ޓްރޭޑްމާރކްގެ ހައްގަކަށް އަރައިގެންފިކަމަށް ނުވަތަ އެފަދަ ހައްގަކަށް އަރައިގަންނަން އުޅޭކަމަށް ގަބޫލުކުރެވިގެން، މާރކްގެ ވެރިފަރާތުން ކޯޓަށް މައްސަލައެއް ހުށަހަޅައިފިނަމަ، ޓްރޭޑްމާރކްގެ ހައްގަށް އަރައިގަތުން ހުއްޓުވުމަށް އަޅަންޖެހޭ ވަގު ތީ ފިޔަވަޅުތަކާގުޅޭ އަމުރުތައް ނެރެދިނުމުގެ އިތުރުން، ގެއްލުމުގެ ބަދަލު ނަގައިދިނުމާއި، މި ގާނޫނުގައި ބަޔާންކޮށްފައިވާ އެހެން ފަރުވާތައް ނަގައިދިނުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.

 

34 ވަނަ މާއްދާ - ކޯޓަށް މައްސަލަ ހުށަހެޅުމުގެ މުއްދަތު

ޓްރޭޑްމާރކާގުޅޭ ހައްގަކަށް އަރައިގެންފިކަމުގެ މައްސަލައެއް މި ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ކޯޓަށް ހުށަހަޅަންވާނީ، ޓްރޭޑްމާރކާގުޅޭ ހައްގަކަށް އަރައިގެންފިކަން މާރކްގެ ވެރިފަރާތަށް އެނގޭ ވަގުތުން ފެށިގެން ނުވަތަ އެކަން އެ ފަރާތަށް އެނގެންޖެހޭނެކަމަށް ބެލެވޭ އެކަށީގެންވާ ސަބަބުތައް ވުޖޫދުވާ ވަގުތުން ފެށިގެން 5 (ފަހެއް) އަހަރުދުވަސް ފާއިތުވުމުގެ ކުރިންނެވެ.

 

35 ވަނަ މާއްދާ - ވަގުތީ ފިޔަވަޅުތައް

(ހ) މި ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ޓްރޭޑްމާރކެއްގެ ވެރިފަރާތުން ކޯޓަށް ހުށަހަޅާ މައްސަލައެއްގައި އެފަދައިން އެދިއްޖެނަމަ، މި ގާނޫނުގެ 32 ވަނަ މާއްދާގައި ބަޔާންކުރާފަދަ ޓްރޭޑްމާރކްގެ ހައްގަކަށް އަރައިގަތުމުގެ އަމަލެއް ހުއްޓުވުމަށްޓަކައި ނުވަތަ ޓްރޭޑްމާރކާގުޅޭ ހައްގަކަށް އަރައިގަތް ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅުންހުރި ހެކި ރައްކާތެރިކުރުމަށްޓަކައި އަޅަންޖެހޭ ވަގުތީ ފިޔަ ވަޅުތަކާގުޅޭ އަމުރުތައް ނެރެދިނުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.

(ށ) މި ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ކޯޓަށް ހުށަހެޅޭ މައްސަލައެއްގައި، ފަރުވާއެއް ހޯދައިދިނުން ލަސްވުމުގެ ސަބަބުން ޓްރޭޑްމާރކްގެ ވެރިފަރާތަށް އިއާދަނުކުރެވޭވަރުގެ ގެއްލުމެއް ލިބުމުގެ އިހްތިމާލު އޮތްކަމުގައިވާނަމަ ނުވަތަ މައްސަލައިގެ ހެކި ނެތިގެންހިނގައިދާނެކަމުގެ އިހްތިމާލު އޮތްކަމުގައިވާނަމަ، އެފަދަ މައްސަލައެއް ރައްދުވާ، ހައްގަށް އަރައިގެންފައިވާ ފަރާތަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަކާ ނުލައި، އެ ފަރާތުގެ އައިރު ހާޒިރުގައި ގާނޫނު ހުއްދަކުރާ ވަގުތީ ފިޔަވަޅުތައް އެޅުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ހާލަތުގައި އެ މާއްދާގައި ބަޔާންކުރާ ފަދައިން ކޯޓުން ވަގުތީ ފިޔަވަޅެއް ނުވަތަ ފިޔަވަޅުތަކެއް އަޅަންވާނީ، އެ މައްސަލައެއް ހުށަހަޅާފައިވާ ފަރާތުން އަންނަނިވި ކަންކަން ފުރިހަމަކޮށްފައިވާނަމައެވެ.

  1. މައްސަލަ ހުށަހަޅާ ފަރާތަކީ ޓްރޭޑްމާރކްގެ ވެރިފަރާތްކަމުގ،ެ އަދި އެ ފަރާތުގެ ޓްރޭޑްމާރކާގުޅޭ ހައްގަކަށް އެހެން ފަރާތަކުން އަރައިގެންފައިވާކަމުގެ ނުވަތަ އެ ފަރާތުގެ ހައްގަށް އެހެން ފަރާތަކުން އަރައިގަތުމުގެ އިހްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އޮތްކަމުގެ އެކަށީގެންވާ ހެކި ކޯޓަށް ހުށަހަޅާފައިވުން؛ އަދި
  2. މި މާއްދާގެ ދަށުން ނެރެދެވޭ ވަގުތީ އަމުރެއްގެ ސަބަބުން މައްސަލައިގައި ދައުވާލިބޭ ފަރާތަށް ލިބިދާނެ ގެއްލުމަކުން އެ ފަރާތް ރައްކާތެރިކުރުމުގެ ގޮތުންނާއި، ވަގުތީ އަމުރުގެ ބޭނުން ނަހަމަގޮތުގައި ހިފުން ހުއްޓުވުމަށްޓަކައި، ކޯޓުން ކަނޑައަޅާ އެކަށީގެންވާ ސެކިއުރިޓީއެއް ބަހައްޓާފައިވުން.

(ރ) މި މާއްދާގެ (ނ) ގެ ) 2( ވަނަ ނަންބަރުގެ ދަށުން ކަނޑައަޅާ ސެކިއުރިޓީ ވާންވާނީ މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ރިއާޔަތްކޮށް ކަނޑައެޅޭ އެކަށީގެންވާ ސެކިއުރިޓީއެއް ކަމުގައެވެ. އަދި ސެކިއުރިޓީގެ ގޮތުގައި ކަނޑައަޅާ އަދަދަކީ، ވަގުތީ އަމުރަކަށް އެދެން ބޭނުންވާ ފަރާތުން އެފަދަ ފިޔަވަޅެއް އަޅައިދިނުމަށް އެދުމަށް ފަސްޖެހޭނެ ފަދަ އަދަދެއް ކަމުގައި ވެގެންނުވާނެއެވެ.

(ބ) ވަގުތީ އަމުރެއް ނެރެދީފައިވަނީ މި މާއްދާގެ (ށ) ގައި ބަޔާންކުރާ ހާލަތުގައި ކަމަށްވާނަމަ، އެ އަމުރު ނެރުމަށްފަހު، އަދި އެންމެ ލަސްވެގެން އެ އަމުރު ތަންފީޒުކުރަން ފެށުމާއެކު، އެ އަމުރުގެ ސަބަބުން އަސަރުކުރާ ހުރިހާ ފަރާތްތަކަށް އަމުރުގެ މައުލޫމާތު ކޯޓުން ދޭންވާނެއެވެ.

(ޅ) ވަގުތީ އަމުރެއް ނެރެދީފައިވަނީ މި މާއްދާގެ (ށ) ގައި ބަޔާންކުރާ ހާލަތުގައި ކަމަށްވާނަމަ، އެ އަމުރުގައި ބަޔާންކޮށްފައިވާ ކަންކަން އަވަސްގޮތެއްގައި، އަދި، އަމުރުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ތަންފީޒުކޮށް ނިންމަންވާނެއެވެ.

(ކ) މި މާއްދާގެ (ށ) ގެ ދަށުން ވަގުތީ އަމުރެއް ނެރެދީފައިވާ ހާލަތުގައި، އެ އަމުރުގެ މައުލޫމާތު އަމުރު ރައްދުވާ ފަރާތަށް ލިބޭތާ ގިނަވެގެން 14 )ސާދަ( ދުވަހުގެ ތެރޭގައި އެ އަމުރު މުރާޖައާކުރަން ކޯޓަށް ހުށަހެޅިދާނެއެވެ. އަދި ވަގުތީ އަމުރު މުރާޖައާކުރުމަށް ބޭއްވޭ އަޑުއެހުމުގައި، އެކަމުގައި ށާމިލުވާ ފަރާތްތަކަށް ޖަވާބުދާރީވުމުގެ ފުރުސަތު ކޯޓުން ދޭންވާނެއެވެ. އަދި، އެ އަމުރު ދެމެހެއްޓުމާމެދު ނުވަތަ ބަދަލުކުރުމާމެދު ނުވަތަ ބާތިލުކުރުމާމެދު އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ކޯޓުން ގޮތެއް ނިންމަންވާނެއެވެ.

(އ) ވަގުތީ އަމުރެއް ނެރުނުކަން ކޯޓުން އަންގާތާ 20 (ވިހި) މަސައްކަތު ދުވަހުގެ ތެރޭގައި، ނުވަތަ އެ އަމުރުގައި ކޯޓުން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި، ވަގުތީ އަމުރަށް އެދުނު ފަރާތުން މައްސަލައިގެ މައުޒޫއާ ގުޅޭގޮތުން ގޮތެއް ކަނޑައެޅުމަށްޓަކައި ކޯޓަށް ހުށަހަޅަންވާނެއެވެ. އަދި އެފަދައިން ހުށަހަޅާފައިނުވާނަމަ ކޯޓުން އެ އަމުރު ބާތިލުކުރަންވާނެއެވެ.

(ވ) ވަގުތީ އަމުރެއް ކޯޓުން ބާތިލުކޮށްފިނަމަ، ނުވަތަ މި މާއްދާގެ (އ) ގެ ދަށުން ހުށަހަޅާ މައުޒޫއީ މައްސަލައާމެދު ކޯޓުން ގޮތެއް ނިންމިއިރު އަމުރަށް އެދިފައިވާ ފަރާތުގެ ހައްގަކަށް އަރައިގެންފައިވާކަން ނުވަތަ ހައްގަކަށް އަރައިގަތުމުގެ ފުރުސަތު އޮތްކަން ސާބިތުނުވާކަމަށް ކޯޓުން ކަނޑައަޅައިފިނަމަ، އަދި، ވަގުތީ އަމުރު ނެރުމުގެ ސަބަބުން ވަގުތީ އަމުރު ރައްދުވި ފަރާތަށް ގެއްލުމެއް ލިބިފައިވާނަމަ، އަމުރު ރައްދުވި ފަރާތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ކޯޓަށް ހުށަހެޅިދާނެއެވެ. އަދި އެފަދައިން ހުށަހަޅައިފިނަމަ، އަމުރު ތަންފީޒުކުރުމުގެ ސަބަބުން އެ ފަރާތަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކަށީގެންވާ ބަދަލެއް ނަގައިދިނުމަށް ކޯޓަށް ކަނޑައެޅިދާނެއެވެ.

 

36 ވަނަ މާއްދާ - ހެއްކާގުޅޭ

ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން، އެކަށީގެންވާ ސަބަބެއް ނެތި، ކޯޓަށް ހުށަހަޅަންޖެހޭ ހެއްކެއް ނުވަތަ މައުލޫމާތެއް ހުށަހެޅުމަށް އެއްވެސް ފަރާތަކުން އިންކާރުކުރާނަމަ، ނުވަތަ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެ ހެއްކެއް ނުވަތަ މައުލޫމާތެއް ފޯރުކޮށްދީފައިނުވާނަމަ، ނުވަތަ ކޯޓުން ތަންފީޒުކުރަން އަންގާ ކަމަކާ ގުޅިގެން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކުރުމަށް ހުރަސްއަޅާނަމަ، ކޯޓަށް އެ ވަގުތު ހުށަހެޅިފައިވާ ހެއްކާއި މައުލޫމާތަށް ބިނާކޮށް، މައްސަލަ ހުށަހެޅި ފަރާތުން ހުށަހަޅާފައިވާ ދައުވާއަށް ރިއާޔަތްކުރުމާއެކު، އަދި އެއްބާރުލުން ނުދޭ ކަމަށް ނުވަތަ ހުރަސްއަޅާ ކަމަށް ބުނާ ފަރާތުން ހުށަހަޅާފައިވާ ކަންކަމަށް ބިނާކޮށް، ހުށަހެޅިފައިވާ މައްސަލައާމެދު ކޯޓަށް ނިންމުމެއް ނިންމިދާނެއެވެ. އަދި ކޯޓުން އެފަދައިން ނިންމުމެއް ނިންމުމުގައި މައްސަލައާ ގުޅޭގޮތުން ނުވަތަ ހެއްކާ ގުޅޭގޮތުން ވާހަކަދެއްކުމުގެ ފުރުސަތު ދެ ފަރާތަށްވެސް ދޭންވާނެއެވެ.

 

37 ވަނަ މާއްދާ - ގެއްލުމުގެ ބަދަލު

(ހ) މި ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ކޯޓަށް ހުށަހެޅޭ މައްސަލައެއް މައުޒޫއީ ގޮތުން ބެލުމަށްފަހު، މައްސަލަ ރައްދުވާ ފަރާތުން އެނގިހުރެ، ނުވަތަ އެނގެންޖެހޭ އެކަށީގެންވާ ސަބަބުތައް ހުރެ، ޓްރޭޑްމާރކާގުޅޭ ހައްގަކަށް އަރައިގެންފައިވާ ކަމަށް ކަނޑައަޅައިފިނަމަ، ޓްރޭޑްމާރކްގެ ވެރިފަރާތަށް އަންނަނިވި ގޮތުގެމަތިން ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ކޯޓަށް ކަނޑައެޅިދާނެއެވެ.

  1. ޓްރޭޑްމާރކާގުޅޭ ހައްގަކަށް އަރައިގަތުމުގެ ސަބަބުން މާރކްގެ ވެރިފަރާތަށް ލިބިފައިވާ ގެއްލުމަށް ދޭންޖެހޭ އެކަށީގެންވާ ބަދަލު؛ އަދި
  2. ޓްރޭޑްމާރކާގުޅޭ ހައްގަށް އަރައިގަތުން ހުއްޓުވައި، އެ ހައްގުތައް އަނބުރާ ހޯދުމަށްޓަކައި ހިނގާފައިވާ އެންމެހައި ހަރަދުތައް.

(ށ) ޓްރޭޑްމާރކާގުޅޭ ހައްގަކަށް އަރައިގަތުމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލު ކަނޑައެޅުމުގައި، އެ ހައްގާގުޅޭ މުދަލުގެ ނުވަތަ ހިދުމަތުގެ އަގަށް ކޯޓުން ރިއާޔަތްކުރަންވާނެއެވެ. އެގޮތުން، މާރކްގެ ވެރިފަރާތުން ހުށަހަޅާފައިވާ، އެ މުދަލުގެ ނުވަތަ ހިދުމަތުގެ ރީޓެއިލް އަގު ނުވަތަ އެ މުދަލުގެ ނުވަތަ ހިދުމަތުގެ އަގު ހިސާބުކުރެވޭނެ އެނޫންވެސް ސައްހަ ގޮތްތަކަށް ކޯޓުން ރިއާޔަތްކުރަންވާނެއެވެ.

 

38 ވަނަ މާއްދާ - އިތުރު ފަރުވާ

(ހ) މި ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ކޯޓަށް ހުށަހެޅޭ މައްސަލައެއް މައުޒޫއީ ގޮތުން ބެލުމަށްފަހު، މައްސަލަ ރައްދުވާ ފަރާތުން އެނގިހުރެ، ނުވަތަ އެނގެންޖެހޭ އެކަށީގެންވާ ސަބަބުތައް ހުރެ، ޓްރޭޑްމާރކާގުޅޭ ހައްގަކަށް އަރައިގެންފައިވާ ކަމަށް ކަނޑައަޅައިފިނަމަ، އަންނަނިވި ކަންކަން ކުރުމަށް ކޯޓަށް އަމުރުކުރެވިދާނެއެވެ.

  1. ޓްރޭޑްމާރކާގުޅޭ ހައްގަކަށް އަރައިގަތުމުގައި ހިމެނުނު މުދ،ާ އެއްވެސް ބާވަތެއްގެ ބަދަލެއް ދިނުމަކާ ނުލައި، އަދި މާރކްގެ ވެރިފަރާތަށް އެއްވެސް ގެއްލުމެއް ނުވާނެ ފަދައިން ނައްތާލުން ނުވަތަ ވިޔަފާރީގެ ބާޒާރުގެ އެންމެހައި މުއާމަލާތްތަކުން އެ މުދާ ނެގުން؛
  2. ޓްރޭޑްމާރކާގުޅޭ ހައްގަށް އިތުރަށް އަރައިގަތުމުގެ ހިރާސްތައް ކުޑަކުރުމަށްޓަކައި، ޓްރޭޑްމާރކާގުޅޭ ހައްގަށް އަރައިގަތުމުގައި ހިމެނުނު މުދާ އުފެއްދުމަށް ބޭނުންކޮށްފައިވާ ތަކެއްޗާއި ސާމާނުގެ މައިގަނޑު ބޭނުމަކީ އެފަދަ މުދާ އުފެއްދުން ކަމުގައިވާނަމަ، އިތުރު އެއްވެސް ބަދަލެއް ދިނުމަކާ ނުލައި، އެ ތަކެއްޗާއި ސާމާނު ނައްތާލުން ނުވަތަ ވިޔަފާރީގެ ބާޒާރުގެ އެންމެހައި މުއާމަލާތްތަކުން އެ ތަކެއްޗާއި ސާމާނު ނެގުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އަމުރެއް ނެރުމުގައި ކޯޓުން އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.

  1. އަމުރު ނެރުމުގެ ސަބަބުން އިތުރަށް އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ބާރުއެޅޭ މިންވަރު؛
  2. އަމުރުގެ ދަށުން މުދާ ނައްތާލަން އަންގާ އެންގުމަކީ ގާނޫނާ ހިލާފުވެފައިވާ މިންވަރަށް ބަލާއިރު އެކަށީގެންވާ ފިޔަވަޅެއްތޯ؛
  3. ތިންވަނަ ފަރާތްތަކުގެ ހައްގުތައް؛ އަދި
  4. ކައުންޓަރފީޓް މުދަލެއްނަމަ، ހާއްސަ އިސްތިސްނާ ހާލަތްތަކުގައި މެނުވ،ީ އެ މުދާ ނައްތާނުލައި ހަމައެކަނި އެ މުދަލުން މާރކް ފޮހެލުމަށްފަހު އެ މުދާ ވިޔަފާރީގެ ބާޒާރަށް ނެރުމަށް ހުއްދަދިނުމަކީ، އެކަށީގެންވާ ފިޔަވަޅެއް ކަމުގައި ނުބެލެވޭނެކަން.

 

39 ވަނަ މާއްދާ - މާރކްގެ ވެރިފަރާތަށް މައުލޫމާތު ދިނުމަށް އެންގުން

މި ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި، ޓްރޭޑްމާރކާގުޅޭ ހައްގަކާ ހިލާފަށް ބޭނުންކުރަމުންދާ މުދާ އުފައްދައި، ވިޔަފާރީގެ ބާޒާރަށް ނެރުމުގައި ށާމިލުވާ ތިންވަނަ ފަރާތްތަކުގެ މައުލޫމާތު މާރކްގެ ވެރިފަރާތަށް ލިބިދިނުމަކީ، އެ ފަރާތުގެ ހައްގަށް އަރައިގެންފައިވާ މިންވަރުގެ ބޮޑުމިނަށް ބަލާއިރު އެކަށީގެންވާ ކަމެއްކަމަށް ކޯޓަށް ފެނިއްޖެނަމަ، އެ ފަރާތްތަކުގެ މައުލޫމާތު މާރކްގެ ވެރިފަރާތަށް ފޯރުކޮށްދިނުމަށް، ހައްގަށް އަރައިގެންފައިވާ ފަރާތަށް ކޯޓަށް އެންގިދާނެއެވެ.

 

 

ދެވަނަ ބައި - އިމްޕޯޓުކުރެވޭ މުދަލާމެދު ފިޔަވަޅު އެޅުން

މުދަލުގެ ކްލިއަރެންސް

 

40 ވަނަ މާއްދާ - ހިފެހެއްޓުމަށް ކަސްޓަމްސްއަށް ހުށަހެޅުން

(ހ) ދިވެހިރާއްޖެއަށް އިމްޕޯޓުކުރަން އުޅޭ މުދަލަކީ މި ގާނޫނުގެ ދަށުން ލިބިދޭ ޓްރޭޑްމާރކާގުޅޭ ހައްގަކަށް އަރައިގަންނަ މުދަލެއް ކަމަށް ށައްކުކުރެވޭނަމަ، އެ މުދަލުގެ ކްލިއަރެންސްގެ އިޖުރާއަތުތައް މެދުކަނޑާލައި، އެ މުދާ ހިފެހެއްޓުމަށް އެދި ޓްރޭޑްމާރކްގެ ވެރިފަރާތަށް ކަސްޓަމްސްގެ ހިދުމަތަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މާރކްގެ ވެރިފަރާތުން ކަސްޓަމްސްގެ ހިދުމަތަށް ހުށަހަޅާ ހުށަހެޅުމެއްގައި އަންނަނިވި ކަންކަން ފުރިހަމަވާންވާނެއެވެ.

  1. ކަނޑައެޅިފައިވާ ފޯމާ އެއްގޮތަށް ހުށަހެޅުން ހުށަހަޅާފައިވުން؛
  2. ގަވާއިދުގައި ކަނޑައަޅާފައިވާ މައުލޫމާތުތައް ފުރިހަމަވުން؛ އަދި
  3. ގަވާއިދުގައި ކަނޑައަޅާފައިވާ ފީ ދައްކާފައިވުން.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ކަސްޓަމްސްގެ ހިދުމަތަށް ހުށަހެޅޭ ހުށަހެޅުމެއް ދިރާސާކުރުމަށްފަހު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެ ހުށަހެޅުމާމެދު ކަސްޓަމްސްގެ ހިދުމަތުން ގޮތެއް ނިންމަންވާނެއެވެ. އަދި އެ ހުށަހެޅުމުގައި އަންނަނިވި ކަންކަން ފުރިހަމަވާނަމަ، އެ ހުށަހެޅުން ބަލައިގަންނަންވާނެއެވެ.

  1. ހުށަހެޅުމުގައިވާ މުދަލާގުޅޭ ޓްރޭޑްމާރކްގެ ހައްގަކީ މި ގާނޫނުގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ހައްގަކަށްވުން؛ އަދި
  2. ހުށަހެޅުން ހުށަހެޅި ފަރާތަކީ އެ ޓްރޭޑްމާރކްގެ ވެރިފަރާތް ކަމުގައިވުން.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ ހުށަހެޅުމަކާމެދު ގޮތެއް ނިންމުމަށްޓަކައި އެކަށީގެންވާ މައުލޫމާތު އެ ހުށަހެޅުމުގައި ނެތްކަމަށް ކަސްޓަމްސްގެ ހިދުމަތަށް ފެންނަނަމަ، އެ ހުށަހެޅުމާމެދު ގޮތެއް ނުނިންމައި، އެ ހުށަހެޅުމާމެދު ގޮތެއް ނިންމުމަށް ބޭނުންވާ މައުލޫމާތު ހުށަހެޅުމަށްޓަކައި އެކަށީގެންވާ މުއްދަތެއް ހުށަހެޅުން ހުށަހެޅި ފަރާތަށް ދޭންވާނެއެވެ.

(ބ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ ހުށަހެޅުމެއްގައި، މި މާއްދާގެ (ށ) ގައި ބަޔާންކުރާ މައުލޫމާތުގެ އިތުރުން، ޓްރޭޑްމާރކާގުޅޭ ހައްގަކާ ހިލާފުވާ މުދާ ކަމަށް ތުހުމަތުކުރެވޭ މުދަލާއި އެ މުދާ ހިމެނޭ ށިޕްމަންޓަކާ ބެހޭގޮތުން އެކަށީގެންވާ މައުލޫމާތު ހިމަނާފައިވާނަމަ، އެ ހުށަހެޅުމަކާމެދު ވީ އެންމެ އަވަހަކަށް، އަދި ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި ގޮތެއް ނިންމައި، އެ ނިންމުން ޓްރޭޑްމާރކްގެ ވެރިފަރާތަށް އަންގަންވާނެއެވެ.

(ޅ) އަންނަނިވި ހާލަތްތަކުގައި ފިޔަވައި، މި މާއްދާގެ ދަށުން ނިންމާ ނިންމުމެއް ދެމިއޮންނާނީ ގިނަވެގެން 10 (ދިހައެއް) ދުވަހަށެވެ.

  1. ހައްގުގެ ވެރިފަރާތުން އެއަށްވުރެ ކުރު މުއްދަތަކަށް އެ ނިންމުން ދަމަހައްޓައިދިނުމަށް އެދިފައިވުން؛
  2. ހުށަހަޅާފައިވާ ހުށަހެޅުމަކީ ކަނޑައެޅިފައިވާ ވަކި ހާއްސަ ށިޕްމަންޓަކާބެހޭ ހުށަހެޅުމަކަށްވުން.

(ކ) މި މާއްދާގެ ދަށުން ހުށަހަޅާ ހުށަހެޅުމެއް ބަލައިނުގަތުމަށް ކަސްޓަމްސްގެ ހިދުމަތުން ނިންމާނަމަ، އެފަދައިން ނިންމި ސަބަބުތައް ބަޔާންކޮށް ހުށަހެޅި ފަރާތަށް އެކަން އަންގަންވާނެއެވެ.

(އ) މި މާއްދާގެ ދަށުން ހުށަހެޅޭ ހުށަހެޅުމެއްގައި އެ ހުށަހެޅުމާމެދު ގޮތެއް
ކަނޑައެޅުމަށް ބޭނުންވާ މިންވަރަށް މައުލޫމާތު ހުށަހަޅާފައިވާނަމަ، އެ ހުށަހެޅުން ބަލައިގަތުމަށް ކަސްޓަމްސްގެ ހިދުމަތުން އިންކާރުކޮށްގެން ނުވާނެއެވެ.

(ވ) މި މާއްދާގެ ދަށުން މުދަލުގެ ކްލިއަރެންސް މެދުކަނޑާލުމަށް ހުށަހަޅާއިރު، އެފަދައިން މުދާ ހިފެހެއްޓުމުގެ ސަބަބުން މުދަލުގެ ވެރިފަރާތަށް ލިބިދާނެ ގެއްލުމަކަށް ކަސްޓަމްސްގެ ހިދުމަތުން ޒިންމާވާންޖެހޭ ހާލަތުގައި ދޭންޖެހިދާނެ ގެއްލުމުގެ ބަދަލާއި، މުދާ ހިފެހެއްޓުން ތަންފީޒުކުރުމަށްޓަކައި ހިނގާނެ ހަރަދާ އެއްވަރުގެ ސެކިއުރިޓީއެއް ބެހެއްޓުމަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެންގުމުގެ އިހްތިޔާރު ކަސްޓަމްސްގެ ހިދުމަތަށް ލިބިގެންވެއެވެ. އަދި އެފަދައިން ކަނޑައަޅާ ސެކިއުރިޓީއެއް ބަހައްޓާފައިނުވާނަމަ، މުދަލުގެ ކްލިއަރެންސް ކުރިއަށްގެންދިޔުމުގެ އިހްތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.

(މ) އެއްވެސް ސަބަބަކާހުރެ ޓްރޭޑްމާރކްގެ ވެރިފަރާތެއްގެ ޓްރޭޑްމާރކްގެ ހައްގު ނިމުމަކަށް އަތުވެއްޖެނަމަ، ނުވަތަ އެ ހައްގު އެހެން ފަރާތަކަށް ބަދަލުވެއްޖެނަމަ، އެ ފަރާތުން ކަސްޓަމްސްގެ ހިދުމަތަށް އެކަން އަންގަންވާނެއެވެ. އަދި އެފަދަ ހާލަތެއްގައި މި މާއްދާގެ ދަށުން ހުށަހަޅާފައިވާ ހުށަހެޅުމާއި، މި ގާނޫނުގެ 41 ވަނަ މާއްދާގެ ދަށުން މުދާ ހިފެހެއްޓުމަށް ނިންމާފައިވާ ނިންމުން ނިމުމަކަށް އަންނާނެއެވެ.

 

41 ވަނަ މާއްދާ - މުދަލުގެ ކްލިއަރެންސް ހިފެހެއްޓުން

(ހ) މި ގާނޫނުގެ 40 ވަނަ މާއްދާގެ ދަށުން ހުށަހަޅާފައިވާ ހުށަހެޅުމެއްގައިވާ މުދަލަކީ ޓްރޭޑްމާރކާގުޅޭ ހައްގަކަށް އަރައިގަންނަ ބާވަތުގެ މުދަލެއް ކަމަށް ކަސްޓަމްސްގެ ހިދުމަތަށް ގަބޫލުކުރެވޭނަމަ، އެ މުދަލުގެ ކްލިއަރެންސް ހިފެހެއްޓިދާނެއެވެ.

(ށ) މި މާއްދާގެ ދަށުން މުދަލެއްގެ ކްލިއަރެންސް ހިފެހެއްޓޭނީ، މި ގާނޫނުގެ 40 ވަނަ މާއްދާގެ ދަށުން ހުށަހެޅުނު މައްސަލަ ކަސްޓަމްސްއިން ބެލުމަށްފަހު ތައްޔާރުކުރާ ކަމާގުޅޭ ރިޕޯޓުގައި ފާހަގަކުރާ ކަންކަމާއި ލިބިފައިވާ ހެކީގެ މައްޗަށް ބިނާކޮށް އެ މުދަލަކީ ޓްރޭޑްމާރކާގުޅޭ ހައްގަކަށް އަރައިގަންނަ ބާވަތުގެ މުދާ ކަމަށް މަދަނީ މިންގަނޑުން ސާބިތުވާކަމަށްވާނަމައެވެ.

(ނ) މި މާއްދާގެ ދަށުން މުދަލެއްގެ ކްލިއަރެންސް ހިފަހައްޓަން ކަސްޓަމްސްގެ ހިދުމަތުން ނިންމައިފިނަމަ، އެ ނިންމުން ތަންފީޒުކުރަން ބޭނުންވާ އެންމެހައި މައުލޫމާތާއެކު ވީ އެންމެ އަވަހަކަށް އެ ހިދުމަތުގެ ކަމާބެހޭ ފަރާތްތަކަށް އެކަން އަންގަންވާނެއެވެ. އަދި ނިންމުން އެފަދައިން ނިންމި ކަމާއި، އެކަން ކުރެވުނު ސަބަބުތައް ބަޔާންކޮށް އަންނަނިވި ފަރާތްތަކަށް ކަސްޓަމްސްއިން ލިޔުމުން އަންގަންވާނެއެވެ.

  1. ކަސްޓަމްސްއަށް އެ ފަރާތްތަކަކީ ކޮބައިކަން އެނގޭނަމަ، މުދާ އިމްޕޯޓުކުރި ފަރާތާއި، އެކްސްޕޯޓުކުރި ފަރާތާއި، ކޮންސައިނީ ނުވަތަ ކޮންސައިނަރ؛ އަދި
  2. ހުށަހެޅުން ހުށަހެޅި ފަރާތ.ް

(ރ) މުދަލުގެ ކްލިއަރެންސް ހިފެހެއްޓުމަށް އެދި ކަސްޓަމްސްގެ ހިދުމަތަށް ހުށަހެޅުމުގައި އަމަލުކުރަންޖެހޭ ގޮތުގެ އިޖުރާއަތާއި އެފަދަ ހުށަހެޅުންތަކާމެދު ގޮތެއް ނިންމުމުގައި ކަސްޓަމްސްގެ ހިދުމަތުން އަމަލުކުރަންޖެހޭ ގޮތުގެ އިޖުރާއަތު މި ގާނޫނުގެ ދަށުން ކަސްޓަމްސްގެ ހިދުމަތުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

42 ވަނަ މާއްދާ - އިމްޕޯޓުކުރާ މުދަލާގުޅޭ މައްސަލަ ކޯޓަށް ހުށަހެޅުން

(ހ) އިމްޕޯޓުކުރަން އުޅޭ މުދަލަކީ މި ގާނޫނުގެ ދަށުން ލިބިދޭ ޓްރޭޑްމާރކާގުޅޭ ހައްގަކަށް އަރައިގަންނަ މުދަލެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި، މި ގާނޫނުގެ 40 ވަނަ މާއްދާގެ ދަށުން ކަސްޓަމްސްއަށް ހުށަހެޅުމެއް ހުށަހެޅި ފަރާތަށް، ކަމާބެހޭ ކޯޓަކަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މައްސަލައެއް ކޯޓަށް ހުށަހެޅިއްޖެކަން، މައްސަލަ ހުށަހަޅާ ފަރާތުން ކަސްޓަމްސްގެ ހިދުމަތަށް ލިޔުމުން އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ފަދައިން މައްސަލަ ހުށަހެޅި ފަރާތުން، އެ ފަރާތަށް މި ގާނޫނުގެ 41 ވަނަ މާއްދާގެ (ނ) ގެ ދަށުން ކަސްޓަމްސްގެ ހިދުމަތުން މުދާ ހިފެހެއްޓިކަން އަންގާތާ 10 (ދިހައެއް) މަސައްކަތު ދުވަހުގެ ތެރޭގައި ކަސްޓަމްސްއަށް އަންގާފައިނުވާނަމަ، ކޯޓުން އެހެންގޮތަކަށް ކަނޑައަޅާފައިނުވާނަމަ، މުދާ އިމްޕޯޓުކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަކުރުމާއެކު އެ މުދަލެއް ކަސްޓަމްސްއިން ދޫކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މުއްދަތު އިތުރު ކުރަންޖެހޭފަދަ އެކަށީގެންވާ ހާލަތެއް ދިމާވެއްޖެނަމަ، އެ މުއްދަތަށް 10 (ދިހައެއް) މަސައްކަތު ދުވަސް އިތުރުކުރުމުގެ އިހްތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.

(ބ) ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގައި ހިމެނޭ މުދަލަކީ ފަނާވެދަނިވި މުދަލެއް ކަމުގައިވާނަމަ، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ 10 (ދިހައެއް) މަސައްކަތު ދުވަހުގެ މުއްދަތުގެ ބަދަލުގައި ދެވޭނީ 3 (ތިނެއް) މަސައްކަތު ދުވަހެވެ. އަދި އެ މުއްދަތު މި މާއްދާގެ (ރ) ގެ ދަށުން އިތުރެއް ނުކުރެވޭނެއެވެ.

(ޅ) މި މާއްދާގެ ދަށުން ކޯޓަށް ހުށަހެޅޭ މައްސަލައެއްގައި މައުޒޫއީ ގޮތުން ގޮތެއް ކަނޑައެޅުމުގެ ކުރިން، މުދަލުގެ ކްލިއަރެންސް ހިފެހެއްޓުމުގެ އަމުރަކަށް އެދިފައިވާނަމަ، އެފަދަ އަމުރެއް ކޯޓަށް ނެރެދެވިދާނެއެވެ.

(ކ) މި މާއްދާގެ ދަށުން ކޯޓަށް ހުށަހެޅޭ މައްސަލައެއްގައި މި މާއްދާގެ (ޅ) ގެ ދަށުން މުދަލުގެ ކްލިއަރެންސް ހިފެހެއްޓުމުގެ އަމުރެއް
ނެރެދިނުމަށް ކޯޓުން ނިންމައިފިނަމަ، މި މާއްދާގެ (ނ) އަދި (ބ) ގައި ބަޔާންކުރާ މުއްދަތު ކަނޑައަޅާނީ ކޯޓުންނެވެ. އަދި އެފަދައިން ކަނޑައަޅާ މުއްދަތު 20 (ވިހި) މަސައްކަތު ދުވަހަށްވުރެ އިތުރުވެގެން ނުވާނެއެވެ.

(އ) މި މާއްދާގެ (ޅ) ގެ ދަށުން މުދަލުގެ ކްލިއަރެންސް ހިފެހެއްޓުމުގެ އަމުރެއް ކޯޓުން ނެރެދީފިނަމަ، އެ އަމުރު މުރާޖައާކުރުމަށްޓަކައި އަމުރު ރައްދުވި ފަރާތުން ކޯޓަށް ހުށަހެޅިދާނެއެވެ. އަދި، އެފަދަ ހުށަހެޅުމެއް ކޯޓަށް ހުށަހަޅައިފިނަމަ، މުދަލުގެ ކްލިއަރެންސް ހިފެހެއްޓުމުގެ އަމުރު މުރާޖައާކުރުމަށްފަހު އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެކަމާމެދު ގޮތެއް ކަނޑައަޅައި، އެ އަމުރުގެ ށަރުތުތަކަށް ބަދަލެއް ގެންނަންޖެހޭނަމަ އެފަދަ ބަދަލެއްވެސް ގެންނަންވާނެއެވެ.

(ވ) މުދަލަކާ ބެހޭގޮތުން މި މާއްދާގެ (ހ) ގެ ދަށުން މައްސަލައެއް ހުށަހެޅުމުގެ ސަބަބުން އެ މުދަލުގެ ކްލިއަރެންސް ހިފެހެއްޓިފައިވާ ހާލަތުގައި، އެ މުދަލަކީ ދައުވާކުރާ ފަރާތުގެ މާރކްގެ ހައްގަށް އަރައިގަންނަ މުދަލެއް ކަމަށް އެ ފަރާތުންކުރާ ދައުވާ ސާބިތުކޮށްދިނުމަށްޓަކައި، އެ މުދަލަކާބެހޭ މާރކްގެ ހައްގު އޮތްކަމަށް ދައުވާކުރާ ފަރާތާއި، މުދާ އެތެރެކުރާ ފަރާތަށް އެ މުދަލެއް ބަލައި ފާސްކުރުމުގެ ފުރުސަތު ކަސްޓަމްސްގެ ހިދުމަތުން ފޯރުކޮށްދޭންވާނެއެވެ. އެހެންނަމަވެސް، އެފަދައިން މުދާ ބަލައި ފާސްކުރުމުގައި އެ މުދަލަކާބެހޭ ސިއްރުކުރެވިފައިވާ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކުން ނަހަމަގޮތުގައި ބޭނުންކޮށް އާންމުކޮށްގެން ނުވާނެއެވެ.

(މ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ މައްސަލައެއްގައި އިމްޕޯޓުކުރެވޭ މުދަލަކީ ދައުވާކުރާ ފަރާތުގެ މާރކްގެ ހައްގަށް އަރައިގަންނަ މުދަލެއް ކަމަށް ކޯޓުން ކަނޑައަޅާ ހާލަތުގައި، އެ މުދަލުގެ މާރކްގެ ހައްގު އޮތް ފަރާތުން އެދެފިނަމަ، މުދާ އެކްސްޕޯޓުކުރި ފަރާތާއި، އިމްޕޯޓުކުރި ފަރާތާއި، ކޮންސައިނީއާއި، ކޮންސައިނަރގެ ނަމާއި އެޑްރެސް، އަދި މުދަލުގެ އަދަދު ކަސްޓަމްސްއިން އެ ފަރާތަށް ފޯރުކޮށްދޭންވާނެއެވެ.

(ފ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ މައްސަލައެއްގައި އިމްޕޯޓުކުރެވޭ މުދަލަކީ ދައުވާކުރާ ފަރާތުގެ މާރކްގެ ހައްގަށް އަރައިގަންނަ މުދަލެއް ނޫންކަމަށް ކޯޓުން ކަނޑައަޅައިފިނަމަ، އެ މުދަލުގެ ކްލިއަރެންސް ހިފެހެއްޓުމާ ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލ،ު ކޯޓުން ކަނޑައަޅާ މިންވަރަކަށް، ހޯދުމުގެ ހައްގު މުދާ އިމްޕޯޓުކުރި ފަރާތާއި، ކޮންސައިނީއަށާއި، މުދަލުގެ ވެރިފަރާތަށް ލިބިގެންވެއެވެ.

 

43 ވަނަ މާއްދާ - ޓްރޭޑްމާރކާގުޅޭ ހައްގަށް އަރައިގަންނަ މުދާ ނައްތާލުން

(ހ) ދިވެހިރާއްޖެއަށް އެތެރެކުރެވޭ މުދަލަކީ ޓްރޭޑްމާރކާގުޅޭ ހައްގަކަށް އަރައިގަންނަ މުދަލެއް ކަމަށް ކޯޓުން ކަނޑައަޅާ ހާލަތުގައި، މާރކްގެ ވެރިފަރާތުން ކޯޓުގައި އެކަމަށް އެދިއްޖެނަމަ، އެ މުދަލާ ގުޅޭގޮތުން އަންނަނިވި ގޮތަކުންކުރެ ގޮތަކަށް އަމަލުކުރުމަށް ކޯޓަށް އެންގިދާނެއެވެ.

  1. އެ މުދާ އެކުގައި ނައްތާލުން؛ ނުވަތަ
  2. ކޯޓުން ކަނޑައަޅާ ގޮތެއްގެމަތިން އެ މުދަލުގެ ޓްރޭޑްމާރކް ހައްގުގެ ވެރިފަރާތް މެދުވެރިކޮށް، ވިޔަފާރީގެ ބާޒާރުގެ އެންމެހައި މުއާމަލާތްތަކުން އެ މުދަލެއް ނެގުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ އަމުރެއް ނެރުމުގައި އަންނަނިވި ކަންކަމަށް ކޯޓުން ރިއާޔަތްކުރަންވާނެއެވެ.

  1. މުދާ ނައްތާލެވެނީ ނުވަތަ ވިޔަފާރީގެ ބާޒާރުން އެ މުދާ ނެގެނީ، އެ މުދަލުގެ ސަބަބުން ޓްރޭޑްމާރކާގުޅޭ ހައްގަކަށް އިތުރު ގެއްލުމެއް ކުރިމަތިނުވާނެ ގޮތަކަށް އަދި މާރކްގެ ވެރިފަރާތުގެ ހައްގުތަކަށް ގެއްލުންނުވާނެ ފަދަ ގޮތަކަށްކަން؛
  2. މާރކްގެ ވެރިފަރާތުން މުދާ ނައްތާލުމަށް ނުވަތަ ނެގުމަށް ހުށަހަޅާފައިވާ ގޮތް؛ އަދި
  3. މުދަލަކީ ކައުންޓަރފީޓް މުދަލެއް ކަމަށްވާނަމަ، ހާއްސަ އިސްތިސްނާ ހާލަތްތަކުގައި މެނުވ،ީ އެފަދަ މުދަލެއް، އެ މުދަލަކަށް އެއްވެސް ބަދަލެއް ނުގެނެސް ރީ-އެކްސްޕޯޓުކުރުމަށް ނުވަތަ އެނޫންވެސް ކަސްޓަމްސްގެ އިޖުރާއަތަކުން މުދަލާމެދު އަމަލުކުރުމަށް ހުއްދަ ނުދިނުން.

 

44 ވަނަ މާއްދާ - ކަސްޓަމްސްގެ ހިދުމަތުން ޒިންމާނުވުން

(ހ) ޓްރޭޑްމާރކާގުޅޭ ހައްގަކަށް އަރައިގަންނަ ބާވަތުގެ މުދަލެއް ހިފެހެއްޓުމަށް ނުވަތަ ދޫކޮށްލުމަށް ކަސްޓަމްސްގެ ހިދުމަތުން ހެޔޮނިޔަތުގައި ނިންމާ ނިންމުންތަކަށާއި އަންނަނިވި ކަންކަމުގެ ތެރެއިން ކަމަކަށް ކަސްޓަމްސްގެ ހިދުމަތުން އެއްވެސް ޒިންމާއެއް އުފުލާކަށް ނުޖެހޭނެއެވެ.

  1. އެފަދަ މުދަލެއް ދެނެގަތުމަށް ކަސްޓަމްސްގެ ހިދުމަތުން ނުކުޅެދުން؛ ނުވަތަ
  2. ގަސްދުގައި ނޫން ގޮތަކަށް އެފަދަ މުދަލެއް ދޫކޮށްލެވުން.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ނުރަނގަޅު ނިޔަތެއްގައި މި ގާނޫނުގެ 40 ވަނަ މާއްދާގެ ދަށުން މައްސަލައެއް ހުށަހަޅައިގެން ކަސްޓަމްސްގެ ހިދުމަތުން މުދާ ހިފެހެއްޓުމުގެ ސަބަބުން، ލިބޭ ގެއްލުމުގެ މާލީ ބަދަލު ހޯދުމަށްޓަކައި މުދާ އިމްޕޯޓުކުރި ފަރާތަށް ނުވަތަ އެކްސްޕޯޓުކުރި ފަރާތަށް ނުވަތަ ކޮންސައިނަރަށް ނުވަތަ ކޮންސައިނީއަށް ނުވަތަ މުދަލުގެ ވެރިފަރާތަށް، މައްސަލަ ހުށަހެޅި ފަރާތާ ދެކޮޅަށް ކޯޓުގައި ދައުވާކުރެވިދާނެއެވެ.

(ނ) އިމްޕޯޓުކުރެވޭ މުދަލަކީ ޓްރޭޑްމާރކާގުޅޭ ހައްގަކަށް އަރައިގަންނަ ބާވަތުގެ މުދަލަކަށްވުމުގެ ސަބަބުން، އެ މުދާ ހިފެހެއްޓުމުގެ ގޮތުން މުދާ ރައްކާކުރުމަށް ނުވަތަ އެ މުދާ ނައްތާލުމަށް ހިނގާ އެންމެހައި ހަރަދުތަކަށް މުދަލުގެ ވެރިފަރާތުން ނުވަތަ މުދާ އިމްޕޯޓުކުރި ފަ ރާތުން ނުވަތަ މުދާ އެކްސްޕޯޓުކުރި ފަރާތުން ނުވަތަ މުދަލުގެ ކޮންސައިނަރ އަދި/ނުވަތަ ކޮންސައިނީ ނުވަތަ އެ އެންމެން އެކުގައި ޒިންމާވާންޖެހޭނެއެވެ.

 

 

ތިންވަނަ ބައި - ޖިނާއީ ކުށާއި އަދަބު

 

45 ވަނަ މާއްދާ - މާރކް ކައުންޓަރފީޓްކުރުމުގެ ކުށް

(ހ) މީހަކު، މާރކެއްގެ ވެރިފަރާތުގެ ހުއްދަނެތި، އެ މީހެއްގެ އަމިއްލަ ބޭނުމަށް ނޫން ގޮތަކަށް، އަދި ވިޔަފާރިއެއް ކަމުގައި ބެލެވޭހާ ފުޅާކޮށް، ގަސްދުގައި، އަންނަނިވި ކަންކަން ކުރުމަކީ ކުށެކެވެ.

  1. މާރކެއް ކައުންޓަރފީޓްކުރުން؛
  2. މުދަލެއްގައި ކައުންޓަރފީޓް މާރކެއް ބޭނުންކުރުން ނުވަތަ ހިދުމަތަކާ ގުޅުވައިގެން އެފަދަ މާރކެއް ބޭނުންކުރުން؛
  3. މާރކެއް ކައުންޓަރފީޓްކުރުމަށް ބޭނުންކުރާ ތަކެތި، ނުވަތަ އެ ތަކެތީގެ މައިގަނޑު ބޭނުމަކީ މުދަލުގައި ކައުންޓަރފީޓް މާރކް ޖެހުން ކަމަށް ބެލެވޭފަދަ ތަކެތި ގެންގުޅުން؛
  4. ކައުންޓަރފީޓްކޮށްފައިވާ މުދަލުން ވިޔަފާރިކުރުން؛ ނުވަތަ
  5. ކައުންޓަރފީޓްކޮށްފައިވާ މުދާ ދިވެހިރާއްޖެއަށް އިމްޕޯޓުކުރުން ނުވަތަ އެފަދަ މުދަލެއް ދިވެހިރާއްޖެއިން އެކްސްޕޯޓުކުރުން.

(ށ) މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ "މުދަލުން ވިޔަފާރިކުރުން" މި އިބާރާތުގެ މާނައިގެ ތެރޭގައި، ވިޔަފާރީގެ މުއާމަލާތެއް ފުރިހަމަކުރުން ނުވަތަ އެފަދަ މުއާމަލާތެއް ފުރިހަމަކުރުމަށް ހުށަހެޅުންވެސް ހިމެނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ކުށެއް ކުރަން އުޅުމަކީ ނުވަތަ އެފަދަ ކުށެއް ކުރާ ފަރާތަކަށް އެނގިހުރެ، އެހީތެރިވެދިނުމަކީ ކުށެކެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 100,000 (އެއްލައްކަ) ރުފިޔާއާއި 2,000,000 (ދެމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.

 

46 ވަނަ މާއްދާ - ކައުންޓަރފީޓް މުދާ

(ހ) "ކައުންޓަރފީޓް މުދާ" ކަމަށް ބުނެފައި އެވަނީ، މުދަލަކާ ގުޅޭގޮތުން ސައްހަ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ޓްރޭޑްމާރކަކާ ސީދާ އެއްގޮތް ނިށާނެއް ނުވަތަ އެ ޓްރޭޑްމާރކްގެ އަސާސީ ސިފަތަކަށް ބެލުމުން ރަޖިސްޓަރީކޮށްފައިވާ ޓްރޭޑްމާރކަކާ ތަފާތުކުރަން ނޭނގޭ ނިށާނެއް، އެ މުދަލެއްގައި ރަޖިސްޓަރީކޮށްފައިވާ ޓްރޭޑްމާރކް ގެ ވެރިފަރާތުގެ ހުއްދަނެތި ބޭނުންކޮށްފައިވާ، އަދި އެފަދައިން މުދަލުގައި ނިށާނެއް ބޭނުންކުރުމުގެ ސަބަބުން މި ގާނޫނުގެ ދަށުން ޓްރޭޑްމާރކް ރަޖިސްޓަރީކޮށްފައިވާ ފަރާތުގެ ހައްގަށް އަރައިގަނެވޭ ކޮންމެ މުދަލަކަށެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، މުދަލެއްގެ ޕެކޭޖިންގގައި މާރކް ޖަހާފައި ވީނަމަވެސް، އެ މުދަލެއްގައި ކައުންޓަރފީޓް މާރކެއް ބޭނުންކުރެވުނީ ކަމުގައި ބެލެވޭނެއެވެ.

 

47 ވަނަ މާއްދާ - ކައުންޓަރފީޓް މާރކް 

މި ގާނޫނުގައި "ކައުންޓަރފީޓް މާރކް" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ބާވަތުގެ ނިށާނަށެވެ.

(ހ) ރަޖިސްޓަރީކުރެވިފައިވާ ޓްރޭޑްމާރކަކާ ސީދާ އެއްގޮތް ނިށާނެއް؛ ނުވަތަ

(ށ) މި ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މާރކްގެ މާނައިގައި ހިމެނޭ އަސާސީ ސިފަތަކަށް ބެލުމުން، ރަޖިސްޓަރީކޮށްފައިވާ މާރކް ވަކިކުރަން ނޭނގ،ޭ އަދި އެކަމުގެ ސަބަބުން މި ގާނޫނުގެ ދަށުން ސައްހަ ގޮތުގައި މާރކް ރަޖިސްޓަރީކޮށްފައިވާ ފަރާތުގެ ހައްގަށް އަރައިގަންނަ ކޮންމެ ނިށާނެއް.

 

48 ވަނަ މާއްދާ - ކުށް ސާބިތުވެއްޖެނަމަ އެޅޭ ފިޔަވަޅުތައް

(ހ) މި ގާނޫނުގެ 45 ވަނަ މާއްދާގައި ބަޔާންކުރާ ކުށް ސާބިތުވެއްޖެނަމަ، ކައުންޓަރފީޓްކޮށްފައިވާ މުދަލާއި ތަކެއްޗާއި، އެ މުދާ ނުވަތަ ތަކެތި ކައުންޓަރފީޓްކުރުމަށްޓަކައި ބޭނުންކުރެވޭ އެންމެހައި ތަކެތި، އަދި އެ ތަކެތީގެ މައިގަނޑު ބޭނުމަކީ މުދާ ކައުންޓަރފީޓްކުރުން ކަމަށް ބެލެވޭ ތަކެތި ހިފަހައްޓައި، ރަޖިސްޓަރީކޮށްފައިވާ މާރކްގެ ވެރިފަރާތާ އެ މުދަލާއި ތަކެތި ހަވާލުކުރުމަށް، ނުވަތަ އެ މުދަލާއި ތަކެތި ދައުލަތަށް ނެގުމަށް ނުވަތަ އެ މުދަލާއި ތަކެތި ނައްތާލުމަށް އަމުރުކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

(ށ) މި ގާނޫނުގެ 45 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްގެން މުދަލެއް ނުވަތަ ފައިސާއެއް ހޯދާފައިވާނަމަ މި ގާނޫނުގެ ދަށުން ކަނޑައެޅޭ އަދަބު ދިނުމާއެކު، އެ މުދަލެއް ނުވަތަ އެ ފައިސާއެއް ދައުލަތަށް ނެގުމަށް އަމުރުކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

 

 

ހަތްވަނަ ބާބު

އެހެނިހެން ކަންކަން

 

49 ވަނަ މާއްދާ - އިންތިގާލީ މަރުހަލާ

(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ރަޖިސްޓަރީކޮށްފައިވާ ޓްރޭޑްމާރކްތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ފަދައިން ރަޖިސްޓަރީކުރުމަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 12 (ބާރަ) މަސްދުވަހުގެ މުއްދަތު ހަމަވުމުން، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ރަޖިސްޓަރީކޮށްފައިވާ ޓްރޭޑްމާރކެއްގެ ރަޖިސްޓްރޭށަން ބާތިލުވީ ކަމުގައި ބެލޭނެއެވެ.

(ނ) މި މާއްދާގެ ދަށުން ރަޖިސްޓަރީކުރަން ހުށަހަޅަންޖެހޭ ނިށާންއާއި، ހުށަހެޅުމުގައި އަމަލުކުރަންޖެހޭ ގޮތުގެ އިޖުރާއަތު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

50 ވަނަ މާއްދާ - ގަވާއިދު ހެދުން 

(ހ) މި ގާނޫނުގައި ރަޖިސްޓްރާރ ނުވަތަ ކަސްޓަމްސްގެ ހިދުމަތުން ހަދަންޖެހޭ ގަވާއިދުތައް ކަމުގައި ކަނޑައަޅާފައިވާ ގަވާއިދުތައް ފިޔަވައި މި ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި ހިންގާނީ މިނިސްޓްރީންނެވެ.

(ށ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

51 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވ،ެ ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެން 12 (ބާރަ) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

 

52 ވަނަ މާއްދާ - މާނަކުރުން 

މި ގާނޫނުގައި ލަފްޒެއް ނުވަތަ އިބާރާތެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާ ހިނދަކު، އަންނަނިވި ލަފްޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ، އެ ލަފްޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައި އެވާ މާނަކުރުމެވެ.

(ހ) "ޓްރޭޑްމާރކް" ނުވަތަ "މާރކް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކުރާ ޓްރޭޑްމާރކަށެވެ. އެ މާނައިގެ ތެރޭގައި، ސެޓިފިކޭށަން މާރކް އަދި ކަލެކްޓިވް މާރކްވެސް ހިމެނެއެވެ.

(ށ) "މާރކްގެ ވެރިފަރާތް" ނުވަތަ "ޓްރޭޑްމާރކްގެ ވެރިފަރާތް" ނުވަތަ "ޓްރޭޑްމާރކާގުޅޭ ހައްގުގެ ވެރިފަރާތް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ޓްރޭޑްމާރކެއްގެ ވެރިފަރާތް ކަމުގައިވާ މީހާ ނުވަތަ ގާނޫނީ ށަހްސަކަށެވެ. ނުވަތައެ ޓްރޭޑްމާރކްގެ ހުއްދަ ނުވަތަ ލައިސަންސް އޮތް ފަރާތް ކަމުގައި ރަޖިސްޓަރީގައި ހިމަނާފައިވާ ފަރާތަށް، ނުވަތަ ލައިސަންސް ދޫކުރާ ފަރާތުން ޓްރޭޑްމާރކްގެ ހައްގު އޮތް ފަރާތަށް ވަކި ފަރުވާއެއް ހޯދުމުގެގޮތުން ކޯޓަށް ދިޔުމަށް އަންގައި ވަކި މުއްދަތެއް ދީފައިވަނިކޮށް، އެ މުއްދަތުގެ ތެރޭގައި މައްސަލަ ހުށަނާޅައިފިނަމަ، ލައިސަންސް ދޫކުރާ ފަރާތަށެވެ.

(ނ) "ކައުންޓަރފީޓް މުދާ" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 46 ވަނަ މާއްދާގައި އެ އިބާރާތަށް ދީފައިވާ މާނައިގައެވެ.

(ރ) "ކައުންޓަރފީޓް މާރކް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 47 ވަނަ މާއްދާގައި އެ އިބާރާތަށް ދީފައިވާ މާނައިގައެވެ.

(ބ) "ޓްރޭޑްމާރކާގުޅޭ ހައްގަކަށް އަރައިގަންނަ ބާވަތުގެ މުދާ" ކަމަށް ބުނެފައި އެވަނީ، ކައުންޓަރފީޓް މުދަލަށް ނުވަތަ ކައުންޓަރފީޓް މާރކެއް ޖަހާފައިވާ ކޮންމެ މުދަލަކަށެވެ. އޭގެ ތެރޭގައި، ވިޔަފާރިއަކަށް ނުވާ ގޮތުން، އަމިއްލަ ބޭނުމަކަށް އެތެރެކުރެވޭ މުދަލެއް ނުހިމެނެއެވެ.

(ޅ) "ސެޓިފިކޭށަން މާރކް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 28 ވަނަ މާއްދާގައި ބަޔާންކުރާ މާރކަށެވެ.

(ކ) "ކަލެކްޓިވް މާރކް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކުރާ މާރކަށެވެ.

(އ) "ކަސްޓަމްސްގެ ހިދުމަތް" ނުވަތަ "ކަސްޓަމްސް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2011-08 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނު) ގައި ބަޔާންކުރާ "މޯލްޑިވްސް ކަސްޓަމްސް ސަރވިސް" އަށެވެ.

(ވ) "އިމްޕޯޓުކުރުން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖެއަށް މުދަލެއް އެތެރެކުރުން، ނުވަތަ އެތެރެވާން މެދުވެރިކުރުމަށެވެ.

(މ) "އެކްސްޕޯޓުކުރުން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖެއިން މުދަލެއް ބޭރުކުރުން، ނުވަތަ ބޭރުވާން މެދުވެރިކުރުމަށެވެ.

(ފ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، އިގްތިސާދީ ސިޔާސަތުތައް ތަންފީޒުކުރުމަށް އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.

(ދ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އިގްތިސާދީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ތ) "ރަޖިސްޓްރާރ އޮފް އިންޓެލެކްޗުއަލް ޕްރޮޕަރޓީ" ނުވަތަ "ރަޖިސްޓްރާރ" ކަމަށް ބުނެފައި އެވަނީ، ފިކުރީ މުދަލާބެހޭ ހައްގުތައް ރަޖިސްޓަރީކޮށްދީ، އެކަމާބެހޭ ކަންކަން ހިންގައި ބެލެހެއްޓުމަށް ކަމާބެހޭ ގާނޫނުގެ ދަށުން އައްޔަންކުރާ ރަޖިސްޓްރާރަށެވެ.

(ލ) "ޕެރިސް ކޮންވެންށަން" ކަމަށް ބުނެފައި އެވަނީ، 20 މާރިޗު 1883 ގެ "ޕެރިސް ކޮންވެންށަން ފޮރ ދަ ޕްރޮޓެކްށަން އޮފް އިންޑަސްޓްރިއަލް ޕްރޮޕަރޓީ" އަށެވެ.

(ގ) "މަށްހޫރު މާރކެއް" ކަމަށް ބުނެފައި އެވަނ،ީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައި ނުވިނަމަވެސ،ް އެ މާރކަކީ ދިވެހިރާއްޖޭގައި މަށްހޫރު މާރކަކަށްވެފައި، އެ މާރކްގެ ވެރިފަރާތަކީ ޕެރިސް ކޮންވެންށަންގެ ނުވަތަ ވަރލްޑް ޓްރޭޑް އޯގަނައިޒޭށަންގެ މެންބަރު ޤައުމެއްގެ ރައްޔިތެއް ނުވަތަ އެފަދަ ޤައުމެއްގައި ޢާންމުކޮށް ވަޒަންވެރިވެ ދިރިއުޅ،ޭ ނުވަތަ އެފަދަ ޤައުމެއްގައި އެ ފަރާތުގެ ވިޔަފާރި ޤާއިމުކޮށް ހިންގާ ފަރާތެއް ކަމުގައިވުމަށެވެ.

(ޏ) "ނިށާން" ކަމަށް ބުނެފައި އެވަނީ، މުދަލެއް ނުވަތަ ހިދުމަތެއް ފާހަގަކުރުމަށް ބޭނުންކުރެވޭ ކޮންމެ ވަސީލަތަކަށެވެ. އޭގެ ތެރޭގައި އަކުރު، ބަސް، ނަން، ސޮއި، ހިސާބު އަކުރު، ސުރުހީ، ލޭބަލް، ސްލިޕް، މުދަލުގެ ބައްޓަން، ޕެކޭޖިންގ، ކުލަ، ވަސް، އަޑު އަދި އެއިން އެއްޗެހިތަކެއް ނުވަތަ ކަންތައްތަކެއް އެއްކޮށްލައިގެން ފަރުމާކޮށްފައިވާ އެއްޗެހި ހިމެނެއެވެ.

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު