-

މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2006-02) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2020-30)

 

ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ -  ބުނެވިދިޔަ ގާނޫނުގެ 10 ވަނަ މާއްދާގެ (އ) ގެ ފަހަތަށް އަންނަނިވި ގޮތަށް ތިން އަކުރު އިތުރުކުރުން.

(1-އ) ކެޕިޓަލް މާރކެޓް ފުޅާކުރުމަށްޓަކައި، މާރކެޓަށް ގެނެވޭ އިތުރު ވަސީލަތްތަކާއި ޕްރޮޑަކްޓްތައް ދިރާސާކޮށް، އެފަދަ އާ ވަސީލަތްތަކަކީ މާރކެޓް ފުޅާކުރުމަށް ބާރު ލިބޭނެ އަދި އިންވެސްޓްމަންޓް ފުރުސަތުތަކަށް މަގުފަހިވާ ކަމެއްކަމުގައި ފެންނަ ހާލަތުގައި އެފަދަ ކަންކަން މާރކެޓަށް ތައާރުފުކުރުމަށް ބޭނުންވާ ރެގިއުލޭޓަރީ އޮނިގަނޑު ކަނޑައެޅުމާއި؛
 
(2-އ) ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކާއި ސެކިއުރިޓީޒް ދޫކުރުމާ ގުޅުންހުރި ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ޒިންމާ އަދާކުރޭތޯ ބެލުމާއި، އެފަރާތްތަކުން ހިއްސާދާރުންނާއި އިންވެސްޓަރުންނަށް އޮތް ޒިންމާ އަދާކުރޭތޯ ބަލައި ފިޔަވަޅު އެޅުމާއި؛
 
(3-އ) ސެކިއުރިޓީޒްއާ ގުޅުންހުރި މައުލޫމާތު ހޯދައި، ދިރާސާތައްކޮށް، އަދި އެކަންކަމާމެދު އާންމުން އަހުލުވެރިކުރުވުމާއި؛

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ޗެޕްޓަރ 2 ގެ ސުރުހީ އަންނަނިވި ގޮތަށް އިސްލާހުކުރުން.

 

ޗެޕްޓަރ 2

ހިއްސާގެ ވިޔަފާރިކުރުމުގެ ވަސީލަތްތައް

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 17 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާ އިތުރުކުުރުން ސަރުކާރުގެ

ސެކިއުރިޓީޒްއާގުޅޭ ކަންކަން 1-17

(ހ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، ސަރުކާރުގެ ސެކިއުރިޓީޒްގެ މާރކެޓް ހަރުދަނާކުރުމަށް ދެވޭ އިންތިގާލީ މަރުހަލާގައި ސަރުކާރުގެ ސެކިއުރިޓީޒްއާ ގުޅުންހުރި އެއްވެސް ހަރަކާތެއް ހިންގުމަށް ނުވަތަ ސަރުކާރުގެ ސެކިއުރިޓީޒްއާ ގުޅޭގޮތުން އެއްވެސް ހިދުމަތެއް ފޯރުކޮށްދިނުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް މި ގާނޫނުގެ ދަށުން ލައިސަންސެއް ނުވަތަ ހުއްދައެއް ބޭނުމެއް ނުވާނެއެވެ. އަދި ސަރުކާރުގެ ސެކިއުރިޓީޒް މާރކެޓް ހަރުދަނާކުރުމުގެ އިންތިގާލީ މަރުހަލާގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހިންގާ މިފަދަ ހަރަކާތްތަކާއި ފޯރުކޮށްދޭ ހިދުމަތްތައްވެސް މި ގާނޫނުގެ ދަށުން ރެގިއުލޭޓްކުރުމުން އިސްތިސްނާވާނެއެވެ.

(ށ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، ސަރުކާރުގެ ސެކިއުރިޓީޒްގެ މާރކެޓް ހަރުދަނާކުރުމަށް ދެވޭ އިންތިގާލީ މަރުހަލާ ނިމުމަށްފަހުގައިވެސް، ސަރުކާރުގެ ސެކިއުރިޓީޒްގެ ޕްރައިމަރީ މާރކެޓުގައި ވަކި ފަރާތްތަކަށް ދައުވަތު ދެވިގެން ހިންގާ އެއްވެސް ހަރަކާތެއް ހިންގުމަށް މި ގާނޫނުގެ ދަށުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ލައިސަންސެއް ނުވަތަ ހުއްދައެއް ބޭނުމެއް ނުވާނެއެވެ. އަދި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހިންގާ މިފަދަ ހަރަކާތްތަކާއި ފޯރުކޮށްދޭ ހިދުމަތްތައްވެސް މި ގާނޫނުގެ ދަށުން ރެގިއުލޭޓްކުރުމުން އިސްތިސްނާވާނެއެވެ.

(ނ) ސަރުކާރުގެ ސެކިއުރިޓީޒްގެ ޕްރައިމަރީ މާރކެޓުގައި ސެކިއުރިޓީޒް ގަނެވިއްކުމުގެ ކަންކަން އަދި ސަރުކާރުގެ ސެކިއުރިޓީޒްގެ ޕްރައިމަރީ ޑީލަރުކަން ކުރާނެ ފަރާތްތަކާއި ސަރުކާރުގެ ސެކިއުރިޓީޒްގެ ޕްރައިމަރީ މާރކެޓުގައި އެހެން ގޮތަކުންވެސް ހަރަކާތްތެރިވާނެ ފަރާތްތައް އަމަލުކުރަންޖެހޭ ކަންކަން ކަނޑައަޅައި ތަންފީޒުކުރާނީ ސަރުކާރުން އަންގާ ގޮތެއްގެމަތިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީންނެވެ. އަދި ސަރުކާރުގެ ސެކިއުރިޓީޒްއާ ގުޅޭގޮތުން ކުރުން މަނާ ކަންކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ނެރޭ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ރ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، ސަރުކާރުގެ ސެކިއުރިޓީޒްގެ ޕްރައިމަރީ ޑީލަރުކަން ކުރުމަށް ނުވަތަ ޕްރައިމަރީ މާރކެޓުގައި ހަރަކާތްތެރިވުމަށް މި ގާނޫނުގެ ދަށުން ދޫކުރާ ލައިސަންސެއް ނުވަތަ ހުއްދައެއް ބޭނުމެއް ނުވާނެއެވެ. އަދި ސަރުކާރުގެ ސެކިއުރިޓީޒްގެ ޕްރައިމަރީ ޑީލަރުކަން ކުރާ ފަރާތްތަކާއި ޕްރައިމަރީ މާރކެޓުގައި ހަރަކާތްތެރިވާ އެހެންވެސް ފަރާތްތަކުގެ މައްޗަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ ރެގިއުލޭޓްކުރުމާބެހޭ މާއްދާތައް ނުހިނގާނެއެވެ.

(ބ) މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ ސަރުކާރުގެ ސެކިއުރިޓީޒް މާރކެޓް ހަރުދަނާކުރުމުގެ އިންތިގާލީ މަރުހަލާގެ މުއްދަތު ދެމިއޮންނާނީ، ގާނޫނު ނަންބަރު 2/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ގިނަވެގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށެވެ. ނަމަވެސް، ކަމާބެހޭ ފަރާތްތަކުގެ މެދުގައި މަށްވަރާކުރުމަށްފަހު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އިންތިގާލީ މަރުހަލާ އެއަށްވުރެ އަވަހަށް ނިމުމަކަށް ގެނައުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 18 ވަނަ މާއްދާގެ އަރިމަތީ ސުރުހީ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ހިއްސާގެ ބާޒާރެއް ގާއިމްކޮށް ބެލެހެއްޓުން 18.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ޤާނޫނުގެ 18 ވަނަ މާއްދާގެ (ހ) އަދި (ށ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

(ހ) މި ޗެޕްޓަރުގައިވާ ގޮތުގެމަތިން ހުއްދަކުރެވިފައިވާ ހިއްސާ ވިއްކުމުގެ ވަގުތީ ވަސީލަތުން ނުވަތަ މި ގާނޫނުގެ ޗެޕްޓަރ 3 ގައިވާ ގޮތުގެމަތިން ހުއްދަކޮށްފައިވާ ސްޓޮކް އެކްސްޗޭންޖަކުން، ނުވަތަ އޮތޯރިޓީން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ޑީލިންގ ލައިސަންސްދީފައިވާ ޑީލިންގ ކުންފުނިތަކުން ހިންގާ އަދި އޮތޯރިޓީން ހުއްދަދީފައިވާ އިންތިޒާމްތަކެއްގެ ދަށުން މެނުވީ، އެއްވެސް މީހަކު ހިއްސާގެ ބާޒާރެއް ގާއިމްކޮށްގެންނުވާނެއެވެ. ނުވަތަ އެފަރާތަކީ އެފަދަ ހިދުމަތެއް ބަލަހައްޓާ، ނުވަތަ އެފަދަ ތަނެއްގެ ހިދުމަތެއް ފޯރުކޮށްދޭފަދަ މީހެއްކަމަށް ދައްކައިދީގެން ނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެމަތިން މެނުވީ، އެއްވެސް ފަރާތަކުން ހިއްސާގެ ބާޒާރެއް ގާއިމްކުރުމަށް އެހީތެރިވެދީގެން ނުވާނެއެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ޗެޕްޓަރ 3 ގެ ސުރުހީ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޗެޕްޓަރ 3

ސްޓޮކް އެކްސްޗޭންޖް ހިންގުމުގެ ލައިސަންސް

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 20 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ސްޓޮކް އެކްސްޗޭންޖް ގާއިމްކުރުމާއި ހިންގުން 20.

(ހ) ސްޓޮކް އެކްސްޗޭންޖް ގާއިމްކޮށް ހިންގަންވާނީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، އޮތޯރިޓީން ލައިސަންސްދޭ ކުންފުންޏަކުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތްނަމަވެސް، ސެކިއުރިޓީޒްގެ ބާޒާރުގައި ސެކިއުރިޓީޒްގެ މުއާމަލާތްތައް ކުރެވޭނެ އިންތިޒާމްތައް މެދުނުކެނޑި ދެމެހެއްޓުމަށްޓަކައި ސަރުކާރުގެ ސްޓޮކް އެކްސްޗޭންޖެއް ކޮންމެހެން ގާއިމްކުރަންޖެހޭކަމަށް އޮތޯރިޓީއަށް ފެނިއްޖެނަމަ އެފަދަ ސްޓޮކް އެކްސްޗޭންޖެއް ގާއިމްކުރެވިދާނެއެވެ. އަދި މިގޮތުން ގާއިމްކުރެވޭ ސްޓޮކް އެކްސްޗޭންޖް މި ގާނޫނުގެ 21 ވަނަ މާއްދާގެ (ހ) އިން އިސްތިސްނާވާނެއެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 22 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

22. (ނ)

(2) އެ ސްޓޮކް އެކްސްޗޭންޖްގައި ކުރެވޭ ސެކިއުރިޓީޒްގެ މުއާމަލާތްތައް ނިންމުމަށްޓަކައި، އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ އުސޫލުތަކެއްގެ މަތިން އިންތިޒާމްތައް ހަމަޖެއްސުން.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 23 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

23. (ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ސްޓޮކް އެކްސްޗޭންޖް ކުންފުންޏަކަށް ދޫކޮށްފައިވާ ހުއްދަ ބާތިލުކުރަންޖެހިއްޖެ ހިނދެއްގައި، އަދި ސެކިއުރިޓީޒްގެ މުއާމަލާތްތައް ބާޒާރުގައި މެދުނުކެނޑި ކުރެވޭނެ ގޮތަށް މަގުފަހިކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭކަމަށް އޮތޯރިޓީއަށް ފެނިއްޖެނަމަ، ޑީލަރުކަމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތަކަށް، ނުވަތަ އޮތޯރިޓީއަށް ފެންނަ އެހެން ފަރާތަކަށް އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ އުސޫލުތަކެއްގެމަތިން، ސްޓޮކް އެކްސްޗޭންޖެއްގެ މަސައްކަތް މެދުނުކެނޑޭފަދަ ގޮތަކަށް ކުރިއަށް ގެންދިއުމުގެ ވަގުތީ ހުއްދައެއް ދެވިދާނެއެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 26 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

26. (ށ) ސްޓޮކް އެކްސްޗޭންޖް ކުންފުނީގެ އެއްވެސް ގަވާއިދަކަށް އަދި މި ގާނޫނުގެ  22 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގެ ދަށުން އެކަށައެޅޭ އެއްވެސް އިންތިޒާމަކަށް ނުވަތަ އުސޫލަކަށް އަމަލުކުރަން ފަށަންވާނީ އެ ގަވާއިދެއް ނުވަތަ އިންތިޒާމެއް ނުވަތަ އުސޫލެއް އޮތޯރިޓީން ފާސްކުރުމަށްފަހުގައެވެ.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 29 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.

ޓްރޭޑިންގ އަދި ޑިޕޮސިޓަރީ ސިސްޓަމް 1-29

(ހ) ސެކިއުރިޓީޒް ގަނެވިއްކުމުގެ މުއާމަލާތްތައް ކުރުމަށް އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ ޓްރޭޑިންގ ސިސްޓަމަކާއި ޑިޕޮސިޓަރީ ސިސްޓަމެއް، އޮތޯރިޓީން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި، ސްޓޮކް އެކްސްޗޭންޖުން ގާއިމްކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސިސްޓަމްތައް ގާއިމްކޮށް ހިންގަންވާނީ، އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ނ) ދިވެހިރާއްޖޭގެ ހިއްސާގެ ބާޒާރު ކުރިއެރުވުމުގެ މަގްސަދުގައި، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ޓްރޭޑިންގ ސިސްޓަމަކާއި ޑިޕޮސިޓަރީ ސިސްޓަމެއް ގާއިމްކުރުމާއި ހިންގުމަށް ބޭނުންވާ ހަރަދުކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ. އަދި އެހެން ގޮތަކަށް އޮތޯރިޓީން ކަނޑަނާޅާހާހިނދަކު އެ ސިސްޓަމްތަކުގެ މިލްކުވެރި ފަރާތަކީ އޮތޯރިޓީއެވެ. އަދި ސިސްޓަމް މެދުވެރިކޮށް ދޭ ހިދުމަތްތަކާގުޅޭ އެންމެހައި ފީތައް ކަނޑައަޅާނީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުންނެވެ.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 30 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

30. (ށ) އޮތޯރިޓީން އެހެން ގޮތަކަށް ކަނޑަނާޅާހާހިނދަކު، ގާނޫނު ނަންބަރު 24/2010 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) ގެ ދަށުން ލައިސަންސް ލިބިފައިވާ ފަރާތްތަކާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހުއްދަދީފައިވާ މާލީ އިދާރާތަކަކީ ޑީލަރުންގެ ލައިސަންސް ލިބި، ޑީލަރުންގެ ގޮތުގައި ސެކިއުރިޓީޒް ވިއްކައިދީ ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ އިދާރާތަކެއް ކަމުގައި ވާނެއެވެ. އަދި އެ އިދާރާތަކުން ޑީލަރުންގެ ގޮތުގައި އެއްވެސް މަސައްކަތެއް ކުރާނަމަ، މި ގާނޫނުގެ ދަށުން ޑީލަރުންނަށް ކަނޑައެޅިފައިވާ ށަރުތުތަކާއި މަސްއޫލިއްޔަތުތައް އެފަރާތްތަކުގެ މައްޗަށްވެސް ލާޒިމުވާނެއެވެ. އަދި އެ ކަންކަމާ ގުޅިގެން ގާނޫނާއި ގަވާއިދުގައިވާ ގޮތުގެމަތިން ފިޔަވަޅު އެޅުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 32 ވަނަ މާއްދާގެ އަރިމަތީ ސުރުހީ އަންނަނިވި ގޮތަށް އިސްލާހުކުރުން.

އިންވެސްޓްކުރުމަށް ލަފާދިނުމުގެ ލައިސަންސާއި އިންވެސްޓްކުރުމަށް ލަފާދޭ ފަރާތެއް ތަމްސީލުކުރުމުގެ ލައިސަންސް

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 32 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

32. (ށ) އިންވެސްޓްކުރުމަށް ލަފާދިނުމުގެ ލައިސަންސް ދޫކުރެވޭނީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ، އަދި އޮތޯރިޓީން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ މިންގަނޑުތައް ފުރިހަމަވާ ކުންފުންޏަކަށެވެ.
 

15 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 32 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

32. (ނ) އިންވެސްޓްކުރުމަށް ލަފާދޭ ފަރާތެއް ތަމްސީލުކުރުމުގެ ލައިސަންސް ދޫކުރެވޭނީ، އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ، އަދި އޮތޯރިޓީން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

 

16 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ތިރީގައި ނަކަލުކޮށްފައިވާ 33 ވަނަ މާއްދާގެ (ނ) އުނިކުރުން.

33. (ނ) މި ގާނޫނުގެ ދަށުން އިންވެސްޓްމަންޓް ފަންޑު ނުވަތަ ފަންޑުގެ ގޮތުގައި އެނޫންވެސް އިންތިޒާމެއް ހިންގުމުގެ ލައިސަންސް ދޫކުރެވޭނީ ގާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ގާނޫނީ ށަހްސުތަކަށެވެ.

 

17 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 54 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

54. (ށ) ކޮންމެ މާލީ އަހަރެއް ނިމޭތާ 3 (ތިނެއް) މަސް ހަމަވުމުގެ ކުރިން، އޮޑިޓަރުގެ ރިޕޯޓު އޮތޯރިޓީއަށް ހުށަހެޅުން.

 

18 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 55 ވަނަ މާއްދާގެ (ހ) ގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.

55. (ހ) ސެކިއުރިޓީޒް ގަނެ ވިއްކައިދިނުމުގެ ވިޔަފާރިކުރާ ފަރާތުގެ އޮޑިޓަރަކު އެމީހަކު ކުރާ މަސައްކަތުގެ ތެރޭގައި، ތިރީގައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް އެނގިއްޖެނަމަ އެކަން ލަސްނުކޮށް އޮތޯރިޓީއަށް އަންގަންވާނެއެވެ.

 

19 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 56 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

56. (ބ) މި މާއްދާގެ (ނ) އާއި (ރ) އާ އެއްގޮތްވާ ގޮތުގެމަތިން އަމަލުކުރަންޖެހޭ ފަރާތްތަކުން ކުންފުންޏަކަށް ހުށަހަޅަންޖެހޭ މައުލޫމާތުގެ ކޮޕީ ހަމަ އެދުވަހު އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

 

20 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 62 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި އަކުރު އިތުރުކުރުން.

62. (ރ) މި ގާނޫނުގެ ދަށުން ހަދާފައިވާ އެއްވެސް ގަވާއިދަކާ ހިލާފުވެއްޖެނަމަ، ނުވަތަ މި ގާނޫނުގެ ދަށުން އޮތޯރިޓީން އަންގާ އެންގުމަކާ އެކަށީގެންވާ ސަބަބެއްނެތި ހިލާފުވެއްޖެނަމަ، އެފަރާތެއް މި މާއްދާގެ (ށ) އާއި (ނ) ގައިވާ ގޮތުގެމަތިން ޖޫރިމަނާކުރުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

21 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 63 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

63. (ށ) (2) ސެކިއުރިޓީޒް ދޫކުރުމާއި ލިސްޓު ކުރުމާބެހޭ ކަންތައް ހިންގުމާބެހޭ ގޮތުން.

 

22 ވަނަ މާއްދާ -  ބުނެވިދިޔަ ގާނޫނުގެ 63 ވަނަ މާއްދާގެ (ށ) ގެ (11) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ގޮތަށް ދެ ނަންބަރު އިތުރުކުރުން.

63. (ށ)

(12) ދިވެހިރާއްޖޭގެ ގާނޫނުތައް ހުއްދަކުރާ ގޮތުގެމަތިން، ކެޕިޓަލް މާރކެޓް ފުޅާކުރުމަށާއި، ތަރައްގީކުރުމަށް ތައާރުފުކުރަންޖެހޭ ކަންކަމަށް ބޭނުންވާ ސޭންޑް ބޮކްސް ރެގިއުލޭޓަރީ ފްރޭމްވަރކް ތަރައްގީކުރުމާއި، ކްރައުޑް ފަންޑިންގއާއި ކްރިޕްޓޯ އެސެޓްސްފަދަ އިނޮވޭޓިވް ވަސީލަތްތައް ރެގިއުލޭޓްކުރުމަށް ބޭނުންވާ ގަވާއިދުތަކާއި އުސޫލުތައް ހެދުން؛

(13) މި ގާނޫނުގެ ދަށުން އޮތޯރިޓީން ރެގިއުލޭޓްކުރާ ފަރާތްތަކުގެ ކޯޕަރޭޓް ގަވަރނަންސްއާ ގުޅުންހުރި ގަވާއިދުތައް ހެދުން.

 

23 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 65 ވަނަ މާއްދާގައި އެކުލެވޭ އަންނަނިވި މާނަކުރުން އަންނަނިވި ގޮތަށް އިސްލާހުކުރުން. 

"އިށްތިހާރު" ކަމަށް ބުނެފައިއެވަނީ، ރަޖިސްޓަރީކޮށްގެން ނެރޭ ހިއްސާގެ ބަޔާން ފިޔަވައި، ދޫކުރާ ފަރާތުން، ނުވަތަ އެފަރާތުގެ ހުއްދަ ލިބިގެން، ނުވަތަ ދޫކުރާ ފަރާތާ ގުޅިގެން ތިރީގައިވާ މައުލޫމާތު ހިމެނޭގޮތަށް ތައްޔާރުކޮށް، އެއްވެސް މީހަކަށް އެއްވެސް ގޮތަކަށް ދޭ، ފޮނުވާ ނުވަތަ ލިބޭގޮތަށް ބަހައްޓާ މައުލޫމާތެވެ.

  1. ސެކިއުރިޓީޒް ގަތުމަށް އާންމުންނަށް ހުށަހެޅުމެއް ހިމެނޭ ނުވަތަ އެކަމަށް ހަވާލާދޭ މައުލޫމާތު؛
  2. އެ މައުލޫމާތަކީ އާންމުން ގަތުމަށް ހުށަހަޅާފައިވާ، ނުވަތަ ހުށަހަޅާނެ ސެކިއުރިޓީޒްގެ މައުލޫމާތަކަށްވެފައި، އަދި ދޫކުރާ ފަރާތުގެ ސެކިއުރިޓީޒް ގަތުމަށް، ނުވަތަ ގަތުމަށް ހުށަހެޅުމަށް، މީހުން ށައުގުވެރިވާ ނުވަތަ ށައުގުވެރި ކުރުވަފާނެކަމަށް އެކަށީގެންވާ މައުލޫމާތު.

 
24 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 65 ވަނަ މާއްދާގައި އެކުލެވޭ "ސްޓޮކް އެކްސްޗޭންޖް" ގެ މާނަކުރުމުގެ ފަހަތަށް، އަންނަނިވި މާނަކުރުން އިތުރުކުރުން.

"ސްޓޮކް އެކްސްޗޭންޖް ކުންފުނި" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ ދަށުން ސްޓޮކް އެކްސްޗޭންޖެއް ހިންގުމުގެ ލައިސަންސް ލިބިފައިވާ ކުންފުންޏަކަށެވެ.

 

25 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

މާލީ ސެކިއުރިޓީސްއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2006-02)

 

ކޮންސޮލިޑޭޓެޑް ގާނޫނު

މާލީ ސެކިއުރިޓީސްއާބެހޭ ގާނޫނު (ކޮންސޮލިޑޭޓެޑް ނަންބަރު 2006-02)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު