ގާނޫނު ނަންބަރު 2010-07 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 9 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު
(ގާނޫނު ނަންބަރު 2020-31)
ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 8 ވަނަ މާއްދާގެ (ކ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
8. (ކ) މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން، އިގްތިސާދީ ނުވަތަ އިޖްތިމާއީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިންބިމާއި ފަރާއި ފަޅު ހޯދުމާއި، މިފަދަ ތަންތަން އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމާއި ދިނުމާއި، މިފަދަ ތަންތަނުގައި އިންވެސްޓްކުރުމާއި އަދި މި އިންވެސްޓްމަންޓްތައް ކައުންސިލްގެ ނަމުގައި މިލްކުކުރުން.
2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 8 ވަނަ މާއްދާގެ (ޖ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
8. (ޖ) ކައުންސިލްތަކުގެ ސިޔާސަތުތައް ކަނޑައެޅުމާއި، އެ ސިޔާސަތުތަކާ ގުޅޭ އުސޫލުތަކާއި ކައުންސިލުން ފޯރުކޮށްދޭ ހިދުމަތްތަކާގުޅޭ ގަވާއިދުތައް ހަދައި ފާސްކޮށް އެ ގަވާއިދުތަކާއި އުސޫލުތައް ތަންފީޒުކުރުން.
3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 8-1 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
8-1. (ނ) އަތޮޅު ކައުންސިލް ނިސްބަތްވާ އިދާރީ ދާއިރާގައި ހިމެނޭ ފަޅުރަށްތަކާއި ފަޅުތަކުގެ ތެރެއިން، ސިޓީ ކައުންސިލާއި ރަށު ކައުންސިލްގެ އިހްތިސާސްގައި ނުހިމެނޭ ފަޅުރަށްރަށް ބަލަހައްޓާނީ އަތޮޅު ކައުންސިލުންނެވެ. އަދި އިގްތިސާދީ ބޭނުންތަކަށް ބޭނުންކުރުމަށްޓަކައި އެ އިދާރީ ދާއިރާގައި ހިމެނޭ ފަޅުރަށެއް ނުވަތަ ފަޅެއް އެ އިދާރީ ދާއިރާއެއްގައި ހިމެނޭ ރަށު ކައުންސިލަކާ ނުވަތަ ސިޓީ ކައުންސިލަކާ ހަވާލުކުރަންވާނީ ސަރުކާރުން އެކަމަށް ކަނޑައަޅާ ވުޒާރާގެ ހުއްދަ ލިޔުމުން ހޯދުމަށް ފަހުގައެވެ.
4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 16 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
16. (ށ) އަތޮޅު ކައުންސިލްގެ ނައިބުރައީސް އިންތިހާބުކުރާނީ ކައުންސިލްގެ މެންބަރުންގެ ތެރެއިން އެ ކައުންސިލްގައި ހިމެނޭ މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ.
5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 22 ވަނަ މާއްދާގެ (އ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
22 (އ) މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ފާސްކޮށްފައިވާ ރަށުގެ ލޭންޑް ޔޫސް ޕްލޭނާއި، ރަށުގެ ތަރައްގީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން، އިގްތިސާދީ ނުވަތަ އިޖްތިމާއީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިންބިމާއި ފަރާއި ފަޅު ހޯދުމާއި މިލްކުކުރުމާއި އަދި މިފަދަ ތަންތަން އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމާއި އަދި މިފަދަ ތަންތަނުގައި އިންވެސްޓްކުރުމާއި މިފަދަ އިންވެސްޓްމަންޓްތައް ކައުންސިލްގެ ނަމުގައި މިލްކުކުރުން.
6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 22 ވަނަ މާއްދާގެ (ވ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
22 (ވ) ކައުންސިލްގެ އިހްތިސާސްގައި ހިމެނޭ ބިމާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ކައުންސިލާ ހަވާލުކުރާ އެނޫންވެސް ބިން، މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފާސްކުރާ ލޭންޑް ޔޫސް ޕްލޭނާއި ކައުންސިލްތަކުން އެކުލަވާލާ އެ ރަށެއްގެ ތަރައްގީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން ބޭނުންކުރުމާއި ކުއްޔަށް ދޫކުރުމާއި ދިނުން.
7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ، ތިރީގައި ނަކަލުކޮށްފައިއެވާ، 22 ވަނަ މާއްދާގެ (ހށ) އުނިކުރުން.
22. (ހށ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފާސްކުރާ ލޭންޑް ޔޫސް ޕްލޭނާއި ކައުންސިލްތަކުން އެކުލަވާލާ އެ ރަށެއްގެ ތަރައްގީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން އެ ރަށެއްގެ ބިން ބޭނުންކުރުން.
8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 22 ވަނަ މާއްދާގެ (ހކ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
22. (ހކ) ކައުންސިލްތަކުގެ ސިޔާސަތުތައް ކަނޑައެޅުމާއި، އެ ސިޔާސަތުތަކާ ގުޅޭ އުސޫލުތަކާއި ކައުންސިލުން ފޯރުކޮށްދޭ ހިދުމަތްތަކާގުޅޭ ގަވާއިދުތައް ހަދައި ފާސްކޮށް އެ ގަވާއިދުތަކާއި އުސޫލުތައް ތަންފީޒުކުރުން.
9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 39 ވަނަ މާއްދާގެ (ކ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
39. (ކ) މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ފާސްކޮށްފައިވާ ސިޓީގެ ލޭންޑް ޔޫސް ޕްލޭނާއި ސިޓީގެ ތަރައްގީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން، އިގްތިސާދީ ނުވަތަ އިޖްތިމާއީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިންބިމާއި ފަރާއި ފަޅު ހޯދުމާއި، މިފަދަ ތަންތަން އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމާއި، ދިނުމާއި އަދި މިފަދަ ތަންތަނުގައި އިންވެސްޓްކުރުމާއި އަދި މި އިންވެސްޓްމަންޓްތައް ކައުންސިލްގެ ނަމުގައި މިލްކުކުރުން.
10 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ، ތިރީގައި ނަކަލުކޮށްފައިއެވާ، 39 ވަނަ މާއްދާގެ (ހނ) އުނިކުރުން.
39. (ހނ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފާސްކޮށް އާންމުކުރާ ސިޓީގެ ތަރައްގީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން އެ ސިޓީއެއްގެ ބިން ބޭނުންކުރުން.
11 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 39 ވަނަ މާއްދާގެ (ހއ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
39. (ހއ) ކައުންސިލްތަކުގެ ސިޔާސަތުތައް ކަނޑައެޅުމާއި، އެ ސިޔާސަތުތަކާ ގުޅޭ އުސޫލުތަކާއި ކައުންސިލުން ފޯރުކޮށްދޭ ހިދުމަތްތަކާގުޅޭ ގަވާއިދުތައް ހަދައި ފާސްކޮށް އެ ގަވާއިދުތަކާއި އުސޫލުތައް ތަންފީޒުކުރުން.
12 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 48 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
48. (ހ) ކައުންސިލްގެ މެންބަރު ނިސްބަތްވާ ސިޓީގެ ރައްޔިތުންނަށް ދިމާވާ ދަތިތައް ކައުންސިލްގެ ސަމާލުކަމަށް ގެނައުމާއި، އެކަންކަން ހައްލުކުރުމަށް މަސައްކަތްކުރުން؛
13 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ، ތިރީގައި ނަކަލުކޮށްފައިއެވާ، 49 ވަނަ މާއްދާ އުނިކުރުން.
ސިޓީ ކައުންސިލްގެ ރައީސަށް މުހާތަބުކުރާ ގޮތް
49. ސިޓީ ކައުންސިލްގެ ރައީސަށް މުހާތަބުކުރާނީ "މޭޔަރ" މިގޮތަށެވެ. އަދި ސިޓީ ކައުންސިލްގެ ނައިބުރައީސާ މުހާތަބުކުރާނީ "ޑެޕިއުޓީ މޭޔަރ" މިގޮތަށެވެ.
14 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 51 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
51. (ށ) މި ގާނޫނުގެ 50 ވަނަ މާއްދާގެ ދަށުން ސިޓީއެއްގެ ދަރަޖަ ހޯދުމަށް އެދި ހުށަހަޅާ ރަށްތަކުން، އެ ރަށްތައް ތަމްސީލުކުރާ ކައުންސިލެއްގެ ދައުރު ހަމަވުމުގެ މަދުވެގެން 6 (ހައެއް) މަސްދުވަހުގެ ކުރިން މި ގާނޫނުގައި ބަޔާންކުރާ އެންމެހައި އިޖުރާއަތުތައް ފުރިހަމަކޮށް ނިންމަންވާނެއެވެ. އަދި އެފަދައިން އެ ރަށްތައް އެކުވެގެން އުފެދޭ ސަރަހައްދަށް ސިޓީއެއްގެ ދަރަޖަ ލިބިގެންދާނީ އެ ސަރަހައްދު ސިޓީއަކަށް ބަދަލުވީ ކަމަށް ކަނޑައެޅުމަށްފަހު، އަލަށް އެކުލަވާލެވޭ ކައުންސިލްގެ އިންތިހާބަށް ފަހުގައެވެ.
15 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 56-1 އިން ފެށިގެން 56-4 ގެ ނިޔަލަށް ހުރި މާއްދާތައް އެއީ، ވަކި ބާބެއްގައި ހިމެނޭ މާއްދާތަކެއްގެ ގޮތުގައި ހަމަޖެއްސުމަށްޓަކައި ބުނެވިދިޔަ ގާނޫނުގެ 1-56 ވަނަ މާއްދާގެ ކުރިއަށް އަންނަނިވި ފަދައިން އެ ބާބުގެ ނަންބަރާއި ބާބުގެ ސުރުހީ އިތުރުކޮށް، އެ ގާނޫނުގައި ދެންހުރި ބާބުތަކުގެ ނަންބަރުތައް ތަރުތީބުކުރުން.
ހަވަނަ ބާބު
ކައުންސިލްތަކުގެ އިހްތިސާސް ކަނޑައެޅުން
16 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 56-6 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
56-6. (ށ) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރުން އިންތިހާބުކުރުމަށްޓަކައި ބާއްވާ އިންތިހާބުގައި ވޯޓުލުމުގެ ހައްގު، އެ ރަށެއް ނުވަތަ ސިޓީގައި ރަށްވެހިވެފައިވާ، ވޯޓުލުމުގެ ހައްގު ލިބިގެންވާ ހުރިހާ އަންހެނުންނާއި ފިރިހެނުންނަށްވެސް ލިބިގެންވެއެވެ.
17 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 56-6 ވަނަ މާއްދާގެ (އ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.
56-6. (1-އ) މި މާއްދާގެ (އ) ގައި އެހެން ބަޔާންކޮށްފައި ވީނަމަވެސް، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަވާވަރަށް އެ ކޮމިޓީގައި މެންބަރުން ނެތްނަމަ އެ ހުސްވި ގޮނޑިއަކަށް މި މާއްދާގެ (އ) ގައިވާ ގޮތުގެމަތިން މެންބަރަކު އިންތިހާބުކުރަންވާނެއެވެ.
18 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 6-56 ވަނަ މާއްދާގެ (ފ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.
56-6. (ދ) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރުމަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި، ގާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާންވާނެއެވެ.
19 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 59 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް ހުރި އަކުރުތައް ތަރުތީބުކޮށް އެ މާއްދާގައިވާ ހަވާލާތައް އިސްލާހުކުރުން.
20 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 61 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
61. (ނ) ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް އައްޔަންކުރެވޭ މީހެއްގެ ކިބައިގައި މި ގާނޫނުގެ 59 ވަނަ މާއްދާގެ (ބ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރު އަދި (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ އިތުރުން އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.
21 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 62 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
62. (ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ "ރިޕޯޓު" ގެ މައްޗަށް ބިނާކޮށް، 3 (ތިނެއް) މަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް އެ ކަންކަމުގައި ށާމިލުވި ކައުންސިލަރުން ނުވަތަ ރައީސުން ނުވަތަ މޭޔަރުން، މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް، މަގާމުގެ މަސްއޫލިއްޔަތުން ވަގުތީ ގޮތުން އެއްކިބާކުރުމުގެ ބާރު ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ލިބިގެންވެއެވެ.
22 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 79 ވަނަ މާއްދާގެ (އ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
79. (އ) މި މާއްދާގެ (ހ) ގެ ދަށުން ކައުންސިލްތަކަށް ދެވޭ ހިލޭ އެހީގެ ފައިސާ ބޭނުންކުރުމުގައި ކައުންސިލްތަކުން އަމަލުކުރަންވީ ގޮތް، މި ގާނޫނުގެ ދަށުން މިނިސްޓްރީ އޮފް ފިނޭންސްއިން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
23 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 79 ވަނަ މާއްދާގެ (މ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
79. (މ) މި މާއްދާގެ (އ) ގެ ދަށުން އެކުލަވާލާ ގަވާއިދުގައި ކައުންސިލްތަކަށް މި ގާނޫނުގެ ދަށުން ދެވޭ ހިލޭ އެހީގެ ފައިސާއާ ގުޅިގެން އުފެދޭ އިދާރީ އަދި މާލީ ޒިންމާތަކާއި އެ ފައިސާ ހަރަދުކުރެވޭނެ ކަންތައްތަކާއި، އަދި ފައިސާ ހަރަދުކުރި ގޮތުގެ ރިޕޯޓު މިނިސްޓްރީއަށް ހުށަހެޅުމުގައި އަމަލުކުރަންވީ ގޮތް ބަޔާންކޮށްފައި އޮންނަންވާނެއެވެ.
24 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 97 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ބަޖެޓު ތަންފީޒުކުރުމުގެ އިސްވެރިޔާ 97.
ކައުންސިލްގެ ބަޖެޓު ފާސްވުމަށްފަހު، ފާސްކުރި ބަޖެޓު ތަންފީޒުކުރުމުގެ އިސްވެރިޔަކީ ކައުންސިލްގެ ރައީސް ނުވަތަ މޭޔަރެވެ.
25 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ، ތިރީގައި ނަކަލުކޮށްފައިއެވާ، 102 ވަނަ މާއްދާގެ (ރ) އުނިކުރުން.
102. (ރ) އަވަށު އޮފީސްތަކުގެ އާމްދަނީއާއި ހަރަދާއި، މިލްކިއްޔާތާއި މާލީ ޒިންމާތަކުގެ އަހަރީ ހިސާބު، ކޮންމެ މާލީ އަހަރެއް ނިމޭތާ ލަސްވެގެން 2 (ދޭއް) މަސްދުވަހުގެ ތެރޭގައި، ސިޓީ ކައުންސިލަށް، ބޯޑުގެ ރައީސް ހުށަހަޅަންވާނެއެވެ.
26 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 102 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
102. (ބ) ސިޓީ ކައުންސިލްގެ އާމްދަނީއާއި ހަރަދާއި، މިލްކިއްޔާތާއި މާލީ ޒިންމާތަކުގެ އަހަރީ ހިސާބު، ކޮންމެ މާލީ އަހަރެއް ނިމޭތާ ލަސްވެގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށާއި، އޮޑިޓަރ ޖެނެރަލްގެ އޮފީހަށާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް، ސިޓީ ކައުންސިލްގެ މޭޔަރ ހުށަހަޅަންވާނެއެވެ.
27 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 105 ވަނަ މާއްދާގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.
ކައުންސިލުން ތައްޔާރުކޮށް ހުށަހަޅަންޖެހޭ ލިޔުންތައް 105.
ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް، ކަނޑައެޅިފައިވާ އުސޫލުން ރަށު ކައުންސިލްތަކުން އަތޮޅު ކައުންސިލަށް ފޮނުވަންވާނެއެވެ.
28 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 107-2 ގެ (ރ) އަދި (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
107-2.
(ރ) ކައުންސިލްތަކުން އެކުލަވާލާ ލޭންޑް ޔޫސް ޕްލޭންގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
- އެ ރަށެއްގައި ހުރި ގަސްގަހާގެހީގެ އަދަދާއި، ގަސްތައް ހުރި ސަރަހައްދު.
- ހިމާޔަތްކުރެވޭ ސަރަހައްދު.
- ހިއްކާފައިވާ ސަރަހައްދުތަކާއި، ހިއްކެން އޮތް ސަރަހައްދާއި، އެ ސަރަހައްދެއްގެ ބޭނުން ހިފާނެ ގޮތް.
- އެ ރަށެއްގެ އެކި ސަރަހައްދުތަކުގެ ބިމުގެ އަގު.
- ހިއްކާ ބިންތަކުގައި ރުއްގަސް ހުންނަންޖެހޭ މިންވަރު.
(ބ) ރަށުގެ ތަރައްގީގެ ޕްލޭން ފާސްކުރާނީ އެ ރަށެއްގެ ކައުންސިލުންނެވެ.
29 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ، ތިރީގައި ނަކަލުކޮށްފައިއެވާ، 116 ވަނަ މާއްދާގެ (ބ) އުނިކުރުން.
116. (ބ) ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ކުރިމަތިލައިގެން އިންތިހާބުވާ ފަރާތްތައް، އިންތިހާބުވިއިރު، ނިސްބަތްވި ޕާޓީއިން ވަކިވުން ނުވަތަ އެމީހަކު ނިސްބަތްވާ ޕާޓީއަކުން ވަކިކުރުން.
30 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 131-2 ގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
131-2. (ނ) އަމިއްލަ ނުވަތަ އާންމު ފަރާތްތަކަށް ކައުންސިލުން ދޭ ހިދުމަތަކާ ގުޅޭގޮތުން، އެ ހިދުމަތުގެ ބަދަލެއްގެ ގޮތުން އެއްވެސް ފަރާތަކުން ދޭ އެއްވެސް އެއްޗެއް ގަބޫލުކުރުން؛
31 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 133 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ރަށްތަކެއް އިދާރީގޮތުން އެއްކޮށްލުން 133.
މި ގާނޫނަށް އަމަލުކުރަން ފަށާއިރު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަކުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ރަށްތަކެއްގެ ރަށްވެހިން، އެ ރަށްތަކަކީ އިދާރީގޮތުން އެއް ރަށެއް ކަމުގައި ކަނޑައަޅައިދިނުމަށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައިފިނަމަ އެ ރަށްތަކަކީ އިދާރީގޮތުން އެއް ރަށެއްކަމަށް ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ. މީހުން ދިރިއުޅޭ ރަށްތަކެއް މިފަދަ ގޮތަކަށް އިދާރީގޮތުން އެއް ރަށަކަށް ބަދަލުކުރެވޭނީ އެ ރަށްތަކުގެ ރައްޔިތުންގެ އަޣުލަބިއްޔަތު އެގޮތަށް ބޭނުންވާނަމައެވެ.
32 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 135 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
އަލުން އެކުލަވާލެވޭ ރަށް އެއް ކައުންސިލަކުން ހިންގުން 135.
މި ގާނޫނުގެ 133 ވަނަ މާއްދާގައިވާ ގޮތުގެމަތިން މީހުން ދިރިއުޅޭ ރަށްތަކެއް އިދާރީގޮތުން އެއް ރަށެއްގެ ގޮތުގައި ކަނޑައެޅިއްޖެނަމަ އެގޮތުން އަލުން އެކުލަވާލެވޭ ރަށް ނުވަތަ ސަރަހައްދު ހިންގުމަށްޓަކައި އިންތިހާބުކުރާނީ އެއް ކައުންސިލެވެ.
33 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ، ތިރީގައި ނަކަލުކޮށްފައިއެވާ، 145 ވަނަ މާއްދާ އުނިކުރުން.
ބިން ބޭނުންކުރާ ގޮތުގެ ޕްލޭން ތައްޔާރުކުރުން 145.
ރަށު ކައުންސިލްގެ މަށްވަރާގެ މަތިން ކޮންމެ ރަށެއްގައި އެ ރަށެއްގެ ބިން ބޭނުންކުރުމާބެހޭގޮތުން ބިމާބެހޭ ވުޒާރާއިން ޕްލޭނެއް ތައްޔާރުކުރަންވާނެއެވެ. މި ޕްލޭންގައި ރަށުގައި މީހުން އުޅޭ ސަރަހައްދާއި، ސަރުކާރުގެ މަށްރޫއުތައް ހިންގުމަށް ބޭނުންވާ ބިންތަކާއި ރަށުގެ ރައްޔިތުންގެ ބޭނުމަށް ކަނޑައެޅޭ ބިންތައް ފާހަގަކުރެވިފައި ހުންނަންވާނެއެވެ.
34 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 150 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
އިސްލާހު ގެންނަންޖެހޭ ގާނޫނު 150.
ދިވެހިރާއްޖޭގައި އަމަލުކުރަމުންދާ ގާނޫނުތަކުގެ ތެރެއިން މި ގާނޫނާއި މި ގާނޫނުގެ މަގްސަދުތަކާ ތައާރުޒްވާ ގާނޫނުތައް ފާހަގަކޮށް މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އެފަދަ ގާނޫނުތަކަށް އިސްލާހު ގެނައުމަށްޓަކައި ދައުލަތުގެ ބަންޑާރަނައިބު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ. އަދި ގާނޫނުތަކުން ބާރުލިބިގެން ހަދާފައިވާ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން މި ގާނޫނާއި މި ގާނޫނުގެ މަގްސަދުތަކާ ތައާރުޒްވާ ގަވާއިދުތަކާއި އުސޫލުތައް ފާހަގަކޮށް މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އެފަދަ ގަވާއިދުތަކާއި އުސޫލުތައް ދައުލަތުގެ އިދާރާތަކުން އިސްލާހުކުރަންވާނެއެވެ.
35 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 152 ވަނަ މާއްދާގެ (އ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
152. (އ) "ރަށުގެ ބިމާއި ފަޅާއި ފަރުތައް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން ރަށްރަށާއި، އަތޮޅުތަކާއި، ސިޓީތަކުގެ އިހްތިސާސް ކަމުގައި ކަނޑައަޅާފައިވާ ތަންތަނަށެވެ.
36 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
މައި ގާނޫނު
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07
ކޮންސޮލިޑޭޓެޑް ގާނޫނު
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ (ކޮންސޮލިޑޭޓެޑް ނަންބަރު 2010-07)
ކިޔުންތެރިންގެ ހިޔާލު