ސިވިލް ސަރވިސްގެ ގާނޫނަށް 5 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު
(ގާނޫނު ނަންބަރު 2020-15)
1 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 8 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.
ކޮމިށަނުގެ މަސްއޫލިއްޔަތުތައް 1-8
ކޮމިށަނުގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ސިވިލް ސަރވިސްއަށް މީހުން ހޯދުމާއި، މީހުން ޢައްޔަންކުރުމާއި، މީހުންނަށް މަގާމުގެ ކުރިއެރުން ދިނުމާއި، މީހުންގެ ވަޒީފާ ބަދަލުކުރުމާއި، މީހުން ވަޒީފާއިން ވަކިކުރުން؛
(ށ) ސިވިލް ސަރވިސްގެ ހުރިހާ އިދާރާތަކެއް އިންތިޒާމްކުރުމާއި އެއް މިންގަނޑަކުން ހިންގުމުގެ އުސޫލުތައް ގާއިމުކުރުން؛
(ނ) ސިވިލް ސަރވިސްގެ އެންމެހައި މަސައްކަތްތައް އެކަށީގެންވާ ހަލުވި މިނެއްގައި ކުރެވޭނެ އަދި ރަނގަޅު ނަތީޖާ ނެރެވޭ ގޮތްތަކަށް މިންގަނޑުތަކާއި އުސޫލުތައް ކަނޑައަޅައި ރޭވުން؛
(ރ) ވަޒީފާތަކަށް މީހުން ހޯދުމާއި، ޢައްޔަންކުރުމާއި، ބަދަލުކުރުމާއި، މަގާމުގެ ކުރިއެރުން ދިނުމާއި، ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކުރާނެ އުސޫލުތައް ކަނޑައެޅުން؛
(ބ) ސިވިލް ސަރވިސް ކޮމިށަނުގެ މަސައްކަތްތަކާ ގުޅޭގޮތުން ވެރިކަން ހިންގާ ފަރާތަށާއި، ރައްޔިތުންގެ މަޖިލީހަށް މަޢުލޫމާތު ދެމުން ގެންދިއުން.
2 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 17 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ގޮތަށް ދެ އަކުރު އިތުރުކުރުން.
ކޮމިށަނުގެ ރައީސްގެ މަސްއޫލިއްޔަތު 17.
(ރ) ކޮމިށަނުގެ ރައީސްގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
- ގާނޫނުއަސާސީއާއި ގާނޫނުގައިވާ ގޮތުގެމަތިން، ނަތީޖާ ނެރެދެވޭ ގޮތުގައި ހަރުދަނާ އުސޫލުން، ކޮމިށަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ލަފައާއި އިރުށާދުދިނުން؛
- ކޮމިށަނުގެ ބައްދަލުވުންތަކުގެ އެޖެންޑާ ކަނޑައެޅުމާއި، ބައްދަލުވުން ބާއްވާނެ ތާރީހާއި ވަގުތު ކަނޑައެޅުންފަދަ ކޮމިށަން ހިންގުމާގުޅޭ ނިންމުންތައް ނިންމުން؛
- ކޮމިށަނާއި ކޮމިށަނުގެ މެންބަރުންނާއި ކޮމިށަނުގެ މުވައްޒަފުން ސުލޫކީ ހަމަތަކަށް ތަބާވުމުގައި ނަމޫނާ ދައްކައި، ޒަޢާމަތު ގާއިމުކުރުން؛
- ކޮމިށަނުގެ މަށްވަރާގެ މަތިން ކޮމިށަނުގެ އިދާރީ އެކިއެކި މަސައްކަތްތައް ހިންގައި ބެލެހެއްޓުމާގުޅޭ އުސޫލު ކަނޑައަޅައި، އެ އުސޫލާ އެއްގޮތަށް އިދާރީކަންކަން ހިންގަމުންދާކަން ކަށަވަރުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛
- ކޮމިށަނުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުން؛ އަދި
- ކޮމިށަނުން ނިންމާ ނިންމުންތައް ތަންފީޒުކުރުން.
(ބ) ކޮމިށަނުގެ ރައީސް އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ނުކުޅެދިއްޖެ ހާލަތެއްގައި، ނުވަތަ އުޒުރުވެރިވެއްޖެ ހާލަތެއްގައި، ނުވަތަ އެ މަގާމު ހުސްވެއްޖެ ހާލަތެއްގައި އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރާނީ ކޮމިށަނުގެ ނައިބު ރައީސެވެ.
3 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 18 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާތައް އިތުރުކުރުން.
ނުފޫޒެއް ނެތި މިނިވަންކަމާއެކު މަސައްކަތްކުރުން 1-18
(ހ) ކޮމިށަނުގެ ވާޖިބު އަދާކުރުމުގައި، ކޮމިށަނުގެ މެންބަރުން އެއްވެސް ބިރަކަށް ނުވަތަ އެއްވެސް ނުފޫޒަކަށް ލެނބިގެން ނުވާނެއެވެ.
(ށ) ކޮމިށަނުގެ އެއްވެސް މައްސަލައެއް ނިންމުމުގައި ނުވަތަ މައްސަލައެއް ހިންގުމުގައި ނުވަތަ މަށްވަރާއެއް ކުރުމުގައި ނުވަތަ ސިޔާސަތެއް ކަނޑައެޅުމުގައި ސީދާގޮތުންވެސް ނުވަތަ ނުސީދާގޮތުންވެސް އަމިއްލަ މަސްލަހަތެއް ހާސިލުކުރަން މަސައްކަތްކޮށްގެން ނުވާނެއެވެ.
(ނ) ކޮމިށަނުގެ ހުރިހާ ކަމެއްވެސް ކުރަންވާނީ، ކޮމިށަނުގެ މަގްސަދު ހާސިލުވާނެ ގޮތުގެމަތިން، ޢާންމު މަސްލަހަތަށްޓަކައެވެ.
(ރ) ހާމަކަން ބޮޑުގޮތެއްގައި ކަންތައްތައް ކުރުމަށްޓަކައި، އެ ކަމެއްގެ ވަގުތުގައި، އެކަމަކާބެހޭ ސައްހަ މަޢުލޫމާތު ޢާންމުންނަށް ފަސޭހައިން ލިބިގަނެވޭ ގޮތަށް ފޯރުކޮށްދޭންވާނެއެވެ.
(ބ) ކޮމިށަނުގެ މަސައްކަތްތައް ހިންގުމުގައާއި، ކޮމިށަނުގެ އިދާރީ އޮނިގަނޑު ތަރުތީބުވެގެންވާ ގޮތުގައާއި، ކޮމިށަނުގެ މަސައްކަތްތައް ކުރުމުގައާއި، ކޮމިށަނުގެ ޕްރޮގްރާމްތައް ރޭވުމުގައާއި، ކޮމިށަނުގެ ތަހްގީގުތައް ހިންގުމުގައާއި، ކޮމިށަނުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި، ކޮމިށަނަށް ފުރިހަމަ ގާނޫނީ އިހްތިޔާރާއި މިނިވަންކަމާއި ބާރު ލިބިގެންވެއެވެ.
ކޮމިށަނުގެ ޖަމާޢީ ސުލޫކު 2-18
(ހ) ކޮމިށަނުގެ މެންބަރުން އެމީހުންގެ މަގާމުގެ ވާޖިބު އަދާކުރުމުގައި ކޮމިށަނުގެ ގަދަރާއި ދަރަޖައާއި އަބުރުވެރިކަމަށް އުނިކަން އަންނަ ގޮތަށް ޢަމަލުކޮށްގެން ނުވާނެއެވެ.
(ށ) ކޮމިށަނުގެ ސިޔާސަތުތަކާއި ކޮމިށަނުގެ ނިންމުންތަކާއި ކޮމިށަނުން ޢަމަލުކުރާގޮތާ ގުޅޭގޮތުން ޖަވާބުދާރީވުމާއި ޒިންމާ އުފުލުމުގެ ވާޖިބު ކޮމިށަނުގެ މެންބަރުން އަދާކުރަންވާނީ ހާމަކަންބޮޑު ގޮތެއްގެމަތިންނެވެ.
މެންބަރުންގެ ޒާތީ ސުލޫކު 3-18
ކޮމިށަނުގެ ކޮންމެ މެންބަރަކުމެ، ފަރުދެއްގެ ހައިސިއްޔަތުންނާއި ކޮމިށަނުގެ މެންބަރެއްގެ ހައިސިއްޔަތުން، ހުރިހާ ހާލަތެއްގައިވެސް، އަންނަނިވި ހަމަތައް ހިފަހައްޓަންވާނެއެވެ.
(ހ) ކޮމިށަނުގެ ގަދަރަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމެއް، އެއްވެސް ވަގުތެއްގައި ނުކުރުން.
(ށ) ކޮމިށަނުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބަށް ބުރޫއަރާފާނެ ފަދަ އެއްވެސް ކަމެއްނުކުރުން.
(ނ) ގާނޫނާ ހިލާފު ޢަމަލެއް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް މަގާމުގެ ބޭނުންކޮށްގެން ނުކުރުން.
(ރ) ކަނޑައެޅިގެން ވަކި މީހަކަށް ގެއްލުން ދިނުމުގެ ނިޔަތުގައި ނުވަތަ އޭނާގެ އަބުރު ނަގާލުމުގެ ނިޔަތުގައި ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް މަގާމުގެ ބޭނުންކޮށްގެން ކަމެއް ނުކުރުން.
(ބ) ޢާންމު އުސޫލަކުން ކޮންމެ މީހަކަށްވެސް ލިބެންއޮތް ހަދިޔާއެއް ނުވަތަ އެހީއެއް ނުވަތަ މަންފާއެއް ނުވަތަ މެހެމާންދާރީއެއް ފިޔަވައި އެނޫން ހަދިޔާއެއް، ނުވަތަ އެހީއެއް، ނުވަތަ މަންފާއެއް ނުވަތަ މެހެމާންދާރީއެއް އެއްވެސް ފަރާތަކުން ނުހޯދުން.
(ޅ) ކޮމިށަނުގެ ބައްދަލުވުންތަކަށް ފަރުވާތެރިކަމާއެކު ހާޒިރުވެ، އެ ބައްދަލުވުންތަކުގައި ޢަމަލީގޮތުން ބައިވެރިވުން.
މާލީ ހިސާބު ހުށަހެޅުން 4-18
(ހ) އެހެން ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ނުވަތަ އެފަދަ ގާނޫނެއްގެ ދަށުން އެހެންގޮތަކަށް ޢަމަލުކުރަމުން އައިކަމުގައިވީނަމަވެސް، ކޮމިށަނުގެ މެންބަރުން މާލީ ހިސާބު ހުށަހެޅުމުގައި މި ގާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، ޢަމަލުކުރާނީ، މި ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ށ) ކޮމިށަނުގެ މެންބަރުކަމަށް ޢައްޔަންކުރެވޭ މީހާ، އޭނާގެ މަގާމާ ހަވާލުވިއިރު، އޭނާއަށް ލިބިފައިވާ އާމްދަނީއާއި އޭނާގެ ނަމުގައި ހުރި މުދަލާއި އޭނާ އަދާކުރަންޖެހޭ ދަރަނީގެ ޒިންމާ އެނގޭނެ މާލީ ހިސާބު، އެ މަގާމާ އޭނާ ހަވާލުވާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މާލީ ހިސާބު ހުށަހެޅުމުގެ އިތުރަށް، ކޮމިށަނުގެ މެންބަރުކަމާ ހަވާލުވާ ތާރީހުން ފެށިގެން ކޮންމެ އަހަރެއްގެ މާލީ ހިސާބު އެ އަހަރެއް ނިމޭތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އޮޑިޓަރ ޖެނެރަލަށް ހުށަހަޅަމުން ގެންދަންވާނެއެވެ. މި މާއްދާގެ ބޭނުމަށްޓަކައި އަހަރު ކަމަށް މާނަކޮށްފައި އެވަނީ، އެމީހަކު ކޮމިށަނުގެ މެންބަރުކަމާ ހަވާލުވާ ތާރީހުން ފެށިގެން 1 (އެކެއް) އަހަރުދުވަސް ހަމަވާ ތާރީހަށެވެ.
(ރ) ކޮމިށަނުގެ މެންބަރަކު މަގާމުން ވަކިވުމަށްފަހު ނުވަތަ އިސްތިޢުފާ ދިނުމަށްފަހު ހިނގާ ފުރަތަމަ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، އޭނާ މަގާމުން ވަކިވިއިރު އޭނާއަށް ލިބިފައިވާ އާމްދަނީއާއި އާމްދަނީ ލިބޭ ގޮތްތަކާއި އޭނާގެ ނަމުގައި ހުރި މުދަލާއި އޭނާ އަދާކުރަންޖެހޭ ދަރަނީގެ ޒިންމާ އެނގޭނެ މާލީ ހިސާބު، އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނެއެވެ.
(ބ) މި މާއްދާގެ (ށ)، (ނ)، އަދި (ރ) ގެ ދަށުން ކޮމިށަނުގެ މެންބަރެއްގެ މާލީ ހިސާބު ހުށަހަޅާއިރު، އޭނާ އިނދެގެންއުޅޭ މީހާއާއި، 18 އަހަރު ނުފުރޭ ދަރިންގެ މާލީ ހިސާބުވެސް ހުށަހަޅަންވާނެއެވެ.
(ޅ) މި މާއްދާގެ (ހ)، (ށ)، (ނ)، (ރ)، އަދި (ބ) ގެ ދަށުން ހުށަހެޅުން ލާޒިމުކުރާ މާލީ ހިސާބުތައް ތައްޔާރުކުރާނީ، އޮޑިޓަރ ޖެނެރަލް ކަނޑައަޅައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިޢުކުރާ ނަމޫނާއާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ކ) މި މާއްދާގެ ދަށުން އޮޑިޓަރ ޖެނެރަލަށް ހުށަހަޅާ ބަޔާނުގައި މައްސަލައެއްވާ ކަމަށް އޮޑިޓަރ ޖެނެރަލަށް ފެނިއްޖެ ހިނދެއްގައި، އެ މައްސަލައެއް އޮޑިޓަރ ޖެނެރަލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.
އިތުރު ވަޒީފާ އަދާނުކުރުމާއި މަސްލަހަތު ފުށުއަރާ ވިޔަފާރި ނުކުރުން 5-18
(ހ) ކޮމިށަނުގެ މެންބަރަކު، އާމްދަނީ ލިބޭ އިތުރު ވަޒީފާއެއް އަދާކޮށްގެންނުވާނެއެވެ. ނުވަތަ އާމްދަނީއެއް ނުވަތަ ފައިދާއެއް ލިބޭ ފަދަ އެހެން މަގާމެއް ފުރައިގެންނުވާނެއެވެ.
(ށ) ކޮމިށަނުގެ މެންބަރަކު، ވިޔަފާރިއެއް ހިންގުމުގައި ޢަމަލީގޮތުން ބައިވެރިވެގެންނުވާނެއެވެ. ނުވަތަ އާމްދަނީއެއް ހޯދުމަށް ފަންނީ މަސައްކަތެއްގައި ށާމިލުވެގެންނުވާނެއެވެ. ނުވަތަ އާމްދަނީއެއް ލިބޭފަދަ އެހެން އެއްވެސް މަސައްކަތެއް ކޮށްގެންނުވާނެއެވެ. އަދި ދައުލަތުގެ މުދަލާއި ބިން ގަނެ ނުވަތަ ކުއްޔަށް ހިފައިގެންނުވާނެއެވެ. އަދި ދައުލަތާއި އެހެން އެއްވެސް ފަރާތަކާ ދެމެދު ކުރެވޭ މުޢާމަލާތެއްގައި ސީދާގޮތުންވިޔަސް ނުވަތަ ނުސީދާގޮތުންވިޔަސް ކޮމިށަނުގެ މެންބަރަކު އެ މެންބަރެއްގެ މާލީ އެއްވެސް މަސްލަހަތެއް ބާއްވައިގެންނުވާނެއެވެ.
(ނ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، ދިވެހިރާއްޖޭގައި ހިއްސާ ވިއްކާ ޕަބްލިކް ކުންފުންޏެއްގެ ސިގްނިފިކަންޓް ޝެއަރހޯލްޑަރެއް ކަމުގައިނުވާ ގޮތުން، އެފަދަ ކުންފުންޏެއްގެ ހިއްސާ މިލްކުކުރުމަކީ، މި މާއްދާގެ ބޭނުމަށްޓަކައި ވިޔަފާރިކުރުން ކަމުގައެއް ނުބެލެވޭނެއެވެ. މި މާއްދާގެ ބޭނުމަށްޓަކައި "ދިވެހިރާއްޖޭގައި ހިއްސާ ވިއްކާ ޕަބްލިކް ކުންފުންޏެއްގެ ސިގްނިފިކަންޓް ޝެއަރހޯލްޑަރެއް" ކަމަށް ބަޔާންކޮށްފައި އެވަނީ، ދިވެހިރާއްޖޭގައި ހިއްސާ ވިއްކާ ޕަބްލިކް ކުންފުންޏެއްގެ ހިއްސާގެ ރައުސުލްމާލުގެ %5 (ފަހެއް އިންސައްތަ) އަށްވުރެ ގިނަ ޢަދަދެއްގެ ހިއްސާގެ މައްޗަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ބާރު ފޯރުވޭ މަގާމެއްގައި ހުރި ހިއްސާދާރަކަށެވެ.
(ރ) ކޮމިށަނުގެ މެންބަރެއްގެ ހައިސިއްޔަތުން މެނުވީ، ދައުލަތުގެ އެހެން އެއްވެސް ކޮމިށަނެއްގައި، ނުވަތަ ކައުންސިލެއްގައި، ނުވަތަ މަޖިލީހެއްގައި، ނުވަތަ ކޮމިޓީއެއްގައި، ނުވަތަ ބޯޑެއްގައި، ނުވަތަ އެނޫންވެސް ތަނެއްގައި، އުޖޫރައަކަށްވިޔަސް ނުވަތަ އުޖޫރައަކާ ނުލައި ނަމަވެސް، ބައިވެރިވެގެންނުވާނެއެވެ.
(ބ) ކޮމިށަނުގެ މެންބަރަކު ކޮންސަލްޓަންޓެއްގެ ހައިސިއްޔަތުން އެއްވެސް ފަރާތަކަށް މަސައްކަތްކޮށްދީގެންނުވާނެއެވެ.
(ޅ) ކޮމިށަނުން އަދާކުރަންޖެހޭ މަސްއޫލިއްޔަތާ ފުށުއަރާފާނެ ބާވަތުގެ މަދަނީ ޖަމާޢަތެއްގެ މެންބަރަކަށް ކޮމިށަނުގެ މެންބަރަކު ވެގެންނުވާނެއެވެ.
(ކ) މި މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި، ކޮމިށަނުގެ މެންބަރެއްގެ ނަމުގައި އޮތް ގޯއްޗެއް ނުވަތަ ގެއެއް ނުވަތަ މުދަލެއް، ބާޒާރުގައި އެފަދަ ގޯއްޗެއް ނުވަތަ ގެއެއް ނުވަތަ މުދަލެއްގެ އަގު ޢާންމުކޮށް ހުރި އަގަށްވުރެ ބޮޑުނޫން އަގަކަށް ވިއްކާލުމާއި، އެފަދަ ގޯއްޗެއް ނުވަތަ ގެއެއް ނުވަތަ މުދަލެއް ބާޒާރުގައި ޢާންމުކޮށް ކުއްޔަށްދީއުޅޭ އަގަށްވުރެ ބޮޑުނޫން އަގެއްގައި ކުއްޔަށްދީގެން އާމްދަނީ ހޯދުން، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ވިޔަފާރިއާއި މަސައްކަތުގެ ތެރޭގައި ހިމެނިގެނެއް ނުވެއެވެ.
(އ) ކޮމިށަނުގެ މެންބަރުކަމުން ވަކިވުމަށްފަހު، ފުރަތަމަ ހިނގާ 12 (ބާރަ) މަސްދުވަހުގެ މުއްދަތު ފާއިތުވަންދެން، ކޮމިށަނުގެ މެންބަރެއްގެ ހައިސިއްޔަތުން އޭނާ އަދާކުރި މަސްލަހަތާ ފުށުއަރާ ވަޒީފާއެއް ނުވަތަ މަސައްކަތެއް، ކޮމިށަނުގެ މެންބަރަކު ކޮށްގެންނުވާނެއެވެ.
މަސްލަހަތު ފުށުއަރާ މައްސަލަތަކުން ދުރުހެލިވުން 6-18
(ހ) ކޮމިށަނުގެ މެންބަރަކު އަދާކުރަންޖެހޭ ރަސްމީ ވާޖިބާއި އޭނާގެ މަސްލަހަތާ ދެމެދު އެއްވެސް ފުށުއެރުމެއް އުފެދުމަކަށް ފުރުސަތު ދީގެން ނުވާނެއެވެ.
(ށ) ކޮމިށަނުގެ މެންބަރެއްގެ މަސްލަހަތު ފުށުއެރުންކަމަށް މި މާއްދާގެ (ހ) ގައި ބުނެފައިއެވާ އުސޫލުގައި، ކޮމިށަނުގެ މެންބަރަކު އިނދެގެންއުޅޭ މީހާއާއި، އޭނާގެ ދަރިންނާއި، އޭނާ ސީދާ ބަލަހައްޓަމުން ގެންދާ އެހެންމީހުންގެ މަސްލަހަތު ފުށުއެރުމަކީވެސް، އެ މެންބަރެއްގެ މަސްލަހަތު ފުށުއެރުން ކަމުގައި ބެލެވޭނެއެވެ.
(ނ) ކޮމިށަނުން ބަލަމުންދާ މައްސަލައެއް ބެލުމުގައި، ކޮމިށަނުގެ މެންބަރެއްގެ މަސްލަހަތު ފުށުއަރާފާނެފަދަ ހާލަތެއް ދިމާވެއްޖެނަމަ، ނުވަތަ ދިމާވެދާނެކަމަށް ގަބޫލުކުރެވޭނަމަ، އެކަން ކޮމިށަނުގައި ބަޔާންކުރުމަށްފަހު، އެ މައްސަލައެއް ބެލުމުން އޭނާ ތަނާޒުލުވާންވާނެއެވެ. އަދި އެ މައްސަލައެއް ބެލުމުގައި އެއްވެސް ފަރާތަކަށް އެއްވެސް މިންވަރަކަށް ނުފޫޒު ފޯރުވައިގެން ނުވާނެއެވެ. އަދި އެ މައްސަލައެއް ނިންމުމުގައި އެމީހަކު، އޭގެފަހުން އެއްވެސް މިންވަރަކަށް ބައިވެރިވެގެންނުވާނެއެވެ.
(ރ) ވަކި މައްސަލައެއް ބެލުމުގައި ނުވަތަ ވަކި ކަމެއް ކުރުމުގައި ވަކި މެންބަރަކު ބައިވެރިވުމަކީ، މަސްލަހަތު ފުށުއަރާނެ ކަމެއްކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ކޮމިށަނުގެ ރައީސަށް ގަބޫލުކުރެވޭ ހާލަތެއްގައި ލިޔުމުން ސަބަބު ބަޔާންކުރުމާއެކު އެ މެންބަރަށް އެކަން އެންގުމަށްފަހު، އެ މެންބަރަކު އެ މައްސަލައެއް ބެލުމުން އެކަހެރިކުރެވިދާނެއެވެ.
(ބ) ވަކި މައްސަލައެއް ބެލުމުގައި ކޮމިށަނުގެ ރައީސް ބައިވެރިވުމަކީ، މަސްލަހަތު ފުށުއަރާނެ ކަމެއްކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް އޭނާއަށް ގަބޫލުކުރެވޭ ހާލަތެއްގައި، ކޮމިށަނުގެ ނައިބު ރައީސަށް ލިޔުމުން އެކަން އެންގުމަށްފަހު، އެ މައްސަލައެއް ބެލުމުން، ކޮމިށަނުގެ ރައީސް ތަނާޒުލުވާންވާނެއެވެ.
(ޅ) މި މާއްދާގެ (ހ)، (ށ)، (ނ)، (ރ)، އަދި (ބ) ގައި ބަޔާންވެގެންވާ އުސޫލުތައް، ކަމާގުޅޭ ނިސްބަތަށް، ކޮމިށަނުގެ މުވައްޒަފުންގެ މައްޗަށްވެސް ހިނގާނެއެވެ.
(ކ) މި މާއްދާގެ (ހ)، (ށ)، (ނ)، (ރ)، އަދި (ބ) ގައި ބަޔާންވެގެންވާ އުސޫލަކާ ކޮމިށަނުގެ މެންބަރަކު ހިލާފުވުމަކީ، އޭނާ މަގާމުގައި ހުރެ ކުރުން އެކަށީގެންނުވާ ކަމެއް ކުރީކަމުގައި ބަލައި، އޭނާ މަގާމުން ވަކިކުރެވިދާނެ ހާލަތެއްކަމުގައި ބެލެވޭނެއެވެ.
(އ) މި މާއްދާގެ (ހ)، (ށ)، (ނ)، (ރ)، އަދި (ބ) ގައި ބަޔާންވެގެންވާ އުސޫލަކާ ކޮމިށަނުގެ މުވައްޒަފަކު ހިލާފުވުމަކީ، މި ގާނޫނުގެ އެހެން މާއްދާއެއްގައި ނުވަތަ އެހެން ގާނޫނެއްގައި އެހެންގޮތަކަށް އޮތްނަމަވެސް، އޭނާ މަގާމުގައި ހުރެ ކުރުން އެކަށީގެންނުވާ ކަމެއް ކުރީކަމަށް ބަލައި، އޭނާ މަގާމުން ވަކިކުރެވިދާނެ ހާލަތެއްކަމުގައި ބެލެވޭނެއެވެ.
ޒިންމާ އަދާކުރުމުގައި ހިފަހައްޓަންޖެހޭ ހަމަތައް 7-18
(ހ) ކޮމިށަނުގެ މެންބަރުން، އެމީހުންގެ މަގާމުގެ ޒިންމާތަކާއި ވާޖިބުތައް އަދާކުރުމުގައި އަންނަނިވި ހަމަތައް ހިފަހައްޓަންވާނެއެވެ.
- ދިވެހިރާއްޖޭގެ އެންމެހައި ގާނޫނުތަކަށް ތަބާވެ، އެ ގާނޫނުތަކަށް އިހްތިރާމްކުރުމާއި، އެ ގާނޫނުތަކުގެ ދަށުން ހުއްދަ އަމުރެއް ކުރާ ފަރާތެއްގެ އަމުރަށް ރަސްމީ ވާޖިބު އަދާކުރުމުގައި ތަބާވަމުންދިއުން؛'
- ޒާތީ އެއްވެސް ތަޢައްޞުބަކާ ނުލައި، ކޮމިށަނުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމުގައި ދެމިތިބުމާއި، އެކަން ކުރުމުގައި ތިމާގެ މަސައްކަތަށާއި ތިމާގެ ވާޖިބަށް އިހްލާސްތެރިވުމާއި އިންސާފުވެރިވުމާއި، ފަރުވާތެރިވުން؛
- ރަސްމީ މަސައްކަތުގެ ދާއިރާގެ ތެރޭގައި އެހެން މީހުންނާ މުޢާމަލާތް ކުރުމުގައި، އިހްތިރާމާއެކު މުޢާމަލާތްކުރުން؛
- ތިމާއަށް ލިބިދޭ ބާރާއި އިހްތިޔާރު ނުރަނގަޅު ނިޔަތެއްގައި ވަކިފަރާތަކަށް ފައިދާއެއް ހޯދައިދިނުމަށް ނުވަތަ ގެއްލުމެއް ދިނުމުގެ ބޭނުމުގައި ބޭނުންނުކުރުމާއި، ގާނޫނުގެ ދާއިރާގެ ތެރޭގައި ލިބިދޭ އިހްތިޔާރު ސައްހަގޮތުގައި ބޭނުންކުރުމާއި، އެ އިހްތިޔާރު ބޭނުންކުރުމުގައި އެހެން މީހުންގެ ހައްގުތަކަށާއި ވާޖިބުތަކަށާއި ގާނޫނުގައި ސައްހަ މަސްލަހަތުތަކަށް އިހްތިރާމްކުރުން؛
- މި ގާނޫނުގެ 3-18 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ ހާލަތުގައި ފިޔަވައި، އެއްވެސް ފަރާތެއްގެ އެހީއާއި އިނާޔަތާއި މެހެމާންދާރީއާއި ހަދިޔާ ސީދާގޮތުގައި ނުވަތަ ނުސީދާގޮތުގައި ނަމަވެސް ނުހޯދުން؛
- ގާނޫނުގައިވާ ގޮތުގެމަތިން އަދާކުރަންޖެހޭ ވާޖިބަށް ހުރަސްއެޅިދާނެ ނުވަތަ އެ ވާޖިބު އަދާކުރުމަށް ފަހުން ދަތިވެދާނެ ނުވަތަ މަސްލަހަތު ފުށުއަރާފަދަ އެއްވެސް ކަމެއް ނުކުރުން؛
- ތިމާއަށް ވަކި މީހަކު ނުވަތަ ވަކި ފަރާތަކުން ކޮށްދީފައިވާ ކަމެއްގެ މުގާބިލުގައި، އެހެން ކަމެއް ތިމާ ކޮށްދޭންޖެހުން ލާޒިމުވާ ހާލަތަށް ތިމާ ނުގެންދިއުން؛
- މެންބަރުކަމުގައި ދެމިހުންނައިރު އަދި މެންބަރުކަމުން ވަކިވުމަށްފަހުގައިވެސް، ތިމާގެ މަގާމު އަދާކުރުމުގައި ތިމާއަށް ލިބިފައިވާ މަޢުލޫމާތުތަކާއި، މައްސަލަތަކާ ގުޅިގެން ލިބޭ ސިއްރު ހިފަހައްޓަންޖެހޭ މަޢުލޫމާތުތައް، ސިއްރުގެ ގޮތުގައި ހިފެހެއްޓުން؛
- ގާނޫނުގައިވާ ގޮތުގެމަތިން، ސައްހަގޮތުގައި އެހެން ފަރާތަކަށް ހާމަކުރަންޖެހޭ މަޢުލޫމާތު ހާމަކުރުމާއި، އެ މަޢުލޫމާތު އަންގަންޖެހޭ ފަރާތްތަކަށް އެންގުމާއި، ރަސްމީ ވާޖިބު އަދާކުރުމުގައި ސައްހަ މަޢުލޫމާތު ފޯރުކޮށްދިނުމާއި، ނުރަނގަޅު ނުވަތަ ދޮގު މަޢުލޫމާތާއި ހަގީގަތް އޮޅޭ ގޮތަށް މަޢުލޫމާތު ހާމަނުކުރުން؛
- ކޮމިށަނުގެ މަސައްކަތަށް މީހުން އިހްތިޔާރުކުރުމުގައާއި މީހުން ޢައްޔަންކުރުމުގައި އެންމެ އަސާސީ ރުކުނަކީ މަސައްކަތަށް އެކަށޭނަ ގާބިލުކަމާއި ތަޢުލީމީ ފެންވަރު ހުރުން ކަމުގައި ބެލުމާއި، ވަޒީފާ ދިނުމާއި ވަޒީފާގެ ކުރިއެރުން ދިނުމާއި މުވައްޒަފުންނާގުޅޭ އެހެނިހެން ކަންކަމުގައި ބަލަންޖެހޭ މައިގަނޑު މިންގަނޑަކީ ތަޢުލީމީގޮތުންނާއި އަހްލާގީގޮތުންނާއި މަސައްކަތުގެގޮތުން އެކަށޭނަ ބަޔަކަށްވުން ކަމުގައި ބެލުން؛
- ސިޔާސީ ވަކި ޕާޓީއަކަށް ނުވަތަ ވަކި ކަމަކަށް ތާއީދުކުރުމުގެ ނުވަތަ ނުކުރުމުގެ ސަބަބުން، ސިވިލް ސަރވިސްގެ އެއްވެސް މުވައްޒަފަކަށް ކަމެއް ފަހިކޮށް ނުވަތަ ދަތިކޮށް ނުހެދުން؛
- ސިޔާސީ ބަހުސްތަކުގައި ބައިވެރިނުވުމާއި، ސިޔާސީ މަގްސަދެއް ހާސިލުކުރުމަށް ވަޒީފާގެ ބޭނުންނުކުރުމާއި، ސިޔާސީ ހަރަކާތްތަކަށް ތާއީދުކުރަނީކަން ނުވަތަ ދެކޮޅުހަދަނީކަން ދޭހަވާ ފަދަ އެއްވެސްކަމެއް ނުކުރުން؛
- ކޮމިށަނުގެ މުވައްޒަފުން، ކޮރަޕްށަންގެ ޢަމަލުތަކަށް ހުށަހެޅިދާނެ ހާލަތްތައް އަބަދުމެ ވަޒަންކުރަމުން ދިއުމާއި، ކޮރަޕްށަނަށް މަގުފަހިނުވާނެ ގޮތުގެމަތިން އެފަރާތްތަކުގެ ޢަމަލުތައް ހުންނާނެގޮތަށް، އެމީހުންގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި މަސައްކަތުގެ އަހްލާގާއި ކޮމިށަނުގެ އިދާރީ އުސޫލުތައް ބައްޓަންކުރަމުން ދިއުން؛
- ކޮމިށަނުގެ މުވައްޒަފުންނާއި ކޮމިށަނުގެ މެންބަރުން ކޮރަޕްށަންގެ ޢަމަލުތަކުން ދުރުކުރުމަށްޓަކައި ހިންގަންޖެހޭ އުސޫލުތައް ހިންގުމާއި، އެމީހުންނަށް ތަޢުލީމާއި ތަމްރީނުދިނުމާއި، ނުހައްގު މުއްސަނދިކަމުން ސަލާމަތްވެތިބޭކަން ކަށަވަރުކުރުމުގެ ގޮތުން އެމީހުންގެ މާލީ ހާލަތަށް ސަމާލުވެ ތިބުމާއި، ކޮރަޕްށަނުން ރައްކާތެރިވެގެންވާ ނަމޫނާއެއް ކޮމިށަނުގެ މެންބަރުން ދެއްކުން؛
- ކޮމިށަނުގެ މެންބަރެއް ކަމުގައިވީނަމަވެސް ނުވަތަ މުވައްޒަފެއް ކަމުގައިވީނަމަވެސް، ސުލޫކީ ހަމަތަކާ ހިލާފަށް ވަކިކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލަން އަންގާނަމަ ނުވަތަ ބާރުއަޅާނަމަ ނުވަތަ މަޖުބޫރުކުރުވާނަމަ، ނުވަތަ މުވައްޒަފުގެ މަސައްކަތް ނަޒާހަތްތެރިކަމާއެކު ކުރިއަށްގެންދިއުމަށް ހުރަސްއެޅޭފަދަ ނުރަނގަޅު ނުފޫޒެއް ފޯރުވާނަމަ، ލަސްނުކޮށް ޕްރޮސިކިއުޓަރ ޖެނެރަލަށާއި އެންޓި-ކޮރަޕްށަން ކޮމިށަނަށާއި އަދި ރައްޔިތުންގެ މަޖިލީހަށް އެކަން ހުށަހެޅުން؛ އަދި
- ކޮމިށަނަށް މައްސަލައެއް ހުށަހަޅާ އެއްވެސް މީހަކާމެދު ނުރަނގަޅު ގޮތަކަށް، އެއްވެސް ކަމެއް ނުކުރުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޒިންމާތަކަކީ، ކޮމިށަނުގެ ރައީސާއި ކޮމިށަނުގެ މެންބަރުންނާއި ކޮމިށަނުގެ މުވައްޒަފުންގެވެސް ވަޒީފާގެ މައިގަނޑު އެއް އަސާސް ކަމުގައި ބެލެވޭނެއެވެ. އެއީ، ވަޒީފާގެ އެއްބަސްވުމެއް ނެތްނަމަވެސް، އަދި އޮތް ވަޒީފާގެ އެއްބަސްވުމުގައި އެއިން ކަމެއް ހިމެނިފައިނުވި ނަމަވެސްމެއެވެ. އަދި، އެއިން ކަމަކާ ހިލާފުވުމަކީ، އެމީހަކާމެދު ތައުދީބީ ފިޔަވަޅު އެޅުމުގެ ހާލަތެއް އުފަންވުން ކަމުގައި ބެލެވޭނެއެވެ.
ސިޔާސަތުތައް އެކަށައެޅުން 8-18
މި ގާނޫނުގެ 7-18 ވަނަ މާއްދާގައި ބަޔާންވެގެންވާ ހަމަތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރުމަށްޓަކައި ބޭނުންވާ ސިޔާސަތުތަކާއި އުސޫލުތަކާއި ތަމްރީނުތަކާއި ހަމަތަކާގުޅޭ ތަފްސީލުތައް ކޮމިށަނުން އެކުލަވާލައި މި ގާނޫނަށް ޢަމަލުކުރަން ފަށާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ކޮމިށަނުން އެކުލަވާލައި ތަންފީޒުކުރަންވާނެއެވެ. އަދި އެ ހަމަތަކަށް ޢަމަލުކުރުމުގައި ކުރުން ހުއްދަވެގެންވަނީ ކޮން ކަމެއްކަން ނުވަތަ މަނާވެގެންވަނީ ކޮން ކަމެއްކަން އެނގޭނެ މިންވަރަށް އެ ހަމަތައް ތަފްސީލުކޮށްދޭންވާނެއެވެ.
ސުލޫކީ ހަމަތަކަށް ތަބާވުން 9-18
(ހ) ކޮމިށަނުގެ މެންބަރުން އެމީހުންގެ މަގާމުގެ ވާޖިބު އަދާކުރުމުގައި، މި ގާނޫނުގައި ބަޔާންވެގެންވާ ސުލޫކީ ހަމަތަކުގެ އެންމެމަތީ މިންގަނޑުގައި ހިފަހައްޓައި، އެހެން މީހުންނަށްވެސް އެ ހަމަތަކަށް ތަބާވާކަން އެނގޭ މިންވަރަށް، ހުރިހާ ހާލަތެއްގައިވެސް އެ ހަމަތަކަށް ތަބާވާންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ސުލޫކީ ހަމަތަކަށް ކޮމިށަނުގެ މެންބަރުން ތަބާވުން އެ އަކުރުގެ ދަށުން ލާޒިމުކުރާ ފަދައިން، ކޮމިށަނުގެ މުވައްޒަފުންވެސް އެ ސުލޫކީ ހަމަތަކަށް ތަބާވާކަން، ކޮމިށަނުގެ ރައީސް ކަށަވަރުކުރަންވާނެއެވެ.
(ނ) ކޮމިށަނުގެ މެންބަރުން ވަކިވަކި ފަރުދުންގެ ހައިސިއްޔަތުންނާއި ކޮމިށަނެއްގެ ހައިސިއްޔަތުން ކޮމިށަނުގެ މިނިވަންކަމާއި، އަބުރުވެރިކަމާއި، ހަމަހަމަކަމާއި އަހްލާގީ އަދި ސުލޫކީ މިންގަނޑުތައް ހިފަހައްޓަންވާނެއެވެ.
ސުލޫކީ ހަމަތަކާ މެންބަރުން ހިލާފުވުން 10-18
(ހ) މި ގާނޫނުގައި ބަޔާންވެގެންވާ ސުލޫކީ ހަމަތަކުގެ ތެރެއިން ހަމައަކާ ކޮމިށަނުގެ މެންބަރަކު ހިލާފުވުމަކީ، މި ގާނޫނުގެ އެހެން މާއްދާއެއްގައި ނުވަތަ އެހެން ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، އޭނާ މަގާމުގައި ހުރެ ކުރުން އެކަށީގެންނުވާ ކަމެއް ކުރީކަމަށް ބަލައި، އޭނާ މަގާމުން ވަކިކުރެވިދާނެ ހާލަތެއް އުފަންވީ ކަމުގައި ބެލެވޭނެއެވެ.
(ށ) ކޮމިށަނުގެ މެންބަރަކު ސުލޫކީ ހަމަތަކާ ހިލާފަށް ކުރި ކަމަކީ، އޭގައި ޖިނާއީ ކުށެއްގެ ޢަމަލު ހިމެނިގެންވާ ކަމެއް ކަމުގައިވާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅު އެޅުމަކީ، ޖިނާއީ ދަޢުވާއެއް އޭނާގެ މައްޗަށް ކުރުމަށް އޮތް ހުރަހެއް ނޫނެވެ.
(ނ) ކޮމިށަނުން ނިންމާ ނިންމުމުގައި ބައިވެރިވި މެންބަރެއް ނުވަތަ މުވައްޒަފެއް މި ގާނޫނުގައި ބަޔާންކޮށްފައިވާ ސުލޫކީ ހަމަތަކާ ހިލާފަށް ކަމެއް ކުރިކަމަށް ނުވަތަ މި ގާނޫނުގެ މާއްދާއަކާ ހިލާފަށް ކަމެއް ކުރިކަމަށް ކޮމިށަނުން ކަނޑައަޅައިފިނަމަ، އެ މެންބަރަކު ނުވަތަ އެ މުވައްޒަފަކު ބައިވެރިވެގެން ކޮމިށަނުން ނިންމާފައިވާ ނިންމުމެއް އަލުން މުރާޖަޢާ ކުރުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.
ސުލޫކީ ހަމަތަކާ މުވައްޒަފުން ހިލާފުވުން 11-18
(ހ) ކޮމިށަނުގެ މުވައްޒަފަކު މި ގާނޫނުގެ 7-18 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ސުލޫކީ ހަމަތަކުގެ ތެރެއިން ހަމައަކާ ހިލާފުވެއްޖެނަމަ، އެ ހިލާފުވި މިންވަރެއްގެ ކުޑަބޮޑު މިނަށް ބަލައި، އެ މުވައްޒަފަކާމެދު ކޮމިށަނުގެ މުވައްޒަފުންގެ ގަވާއިދުގައިވާ ގޮތުގެމަތިން ފިޔަވަޅު އަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތުގައި ކޮމިށަނުގެ މުވައްޒަފުން ސުލޫކާ ހިލާފުވެގެން އެ މުވައްޒަފުންނާމެދު އެޅޭނެ ފިޔަވަޅުތައް، މި ގާނޫނުގެ ދަށުން ހަދާ ކޮމިށަނުގެ މުވައްޒަފުންގެ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ނ) ކޮމިށަނުގެ މުވައްޒަފަކު ސުލޫކީ ހަމަތަކާ ހިލާފަށް ކުރިކަމަކީ، އޭގައި ޖިނާއީ ކުށެއްގެ ޢަމަލު ހިމެނިގެންވާ ކަމެއް ކަމުގައިވާނަމަ، މި މާއްދާގެ (ހ) ގެ ދަށުން ކޮމިށަނުގެ މުވައްޒަފުންގެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ފިޔަވަޅު އެޅުމަކީ، އޭނާގެ މައްޗަށް ޖިނާއީ ދަޢުވާއެއް ކުރުމަށް އޮތް ހުރަހެއް ނޫނެވެ.
ކޮމިށަނުން ޖަވާބުދާރީވުން 12-18
ކޮމިށަނުގެ މެންބަރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެމަތިން، އެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވެ، ޖަވާބުދާރީވެ، އެމީހުންގެ މަސްއޫލިއްޔަތާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގައި ޒިންމާ އުފުލަންވާނެއެވެ. އަދި ކޮމިށަން ހިނގަމުންދާ ގޮތާ ގުޅޭގޮތުން، ނުވަތަ ކޮމިށަނުން ކުރަމުންދާ ކަމަކާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުން ހޯދައި ބަލަންޖެހޭ ކޮންމެ ކަމެއްގައި، އީޖާބީގޮތެއްގައި އެއްބާރުލުން ދޭންވާނެއެވެ.
ބައްދަލުވުންތަކުގެ ރެކޯޑު ބެލެހެއްޓުން 13-18
(ހ) ކޮމިށަނުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ އަކުރުން އަކުރަށް ލިޔެ ބަލަހައްޓަންވާނެވެ. އަދި އެ ބައްދަލުވުންތަކުގެ އޯޑިއޯ ރެކޯޑިންގ ބަލަހައްޓަންވާނެއެވެ.
(ށ) ޔައުމިއްޔާ ލިޔެ ތައްޔާރުކުރަންވާނީ، މެންބަރުން ދައްކާ ވާހަކައަށް އުނިއިތުރެއް ނުގެނެސް، ކޮމިށަނުގެ މެންބަރަކު ދައްކާ ވާހަކައެއް، އެ ދެއްކި ގޮތަކަށް ޔައުމިއްޔާއިން ފެންނާނެ، އަދި ޖަލްސާގައި ކަންހިނގާދިޔަގޮތް ސާފުކޮށް އެނގޭނެ ގޮތުގެމަތިންނެވެ.
(ނ) ކޮމިށަނުން އެއްވެސް ތަހްގީގެއް ހިންގައިފިނަމަ ނުވަތަ އެއްވެސް ހެކިބަހެއް ހޯދައިފިނަމަ، އަކުރުން އަކުރަށް ޔައުމިއްޔާކުރަންވާނެއެވެ. އަދި އެ ތަހްގީގުގެ އޯޑިއޯ ރެކޯޑިންގ ބަލަހައްޓަންވާނެއެވެ.
(ރ) ކޮމިށަނުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާގައި، ކޮމިށަނުގެ މެންބަރުންގެ ހާޒިރީއާއި ވޯޓުދިން ގޮތުގެ ތަފްސީލު ހިމަނަންވާނެއެވެ.
(ބ) ކޮމިށަނުގެ ބައްދަލުވުންތަކުގެ ހާޒިރީ ކޮންމެ މަހަކު އެއްފަހަރު ކޮމިށަނުގެ ވެބްސައިޓުގައި ށާއިޢުކުރަންވާނެއެވެ.
(ޅ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް އޮތްނަމަވެސް، މި މާއްދާގެ (ހ) އަދި (ނ) ގައިވާ ލިޔެކިޔުންތަކާއި ރެކޯޑިންގތައް މަދުވެގެން 10 (ދިހައެއް) އަހަރުދުވަސް ވަންދެން ކޮމިށަނުން ރައްކާތެރިކަމާއެކު ބަލަހައްޓަންވާނެއެވެ.
4 ވަނަ މާއްދާ – މި ގާނޫނަށް ޢަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިޢުކުރާ ދުވަހުން ފެށިގެންނެވެ.
މައި ގާނޫނު
ސިވިލް ސަރވިސް ގެ ގާނޫނު (ގާނޫނު ނަންބަރު 2007-05)
ކޮންސޮލިޑޭޓެޑް ގާނޫނު
ސިވިލް ސަރވިސް ގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2007-05)
ކިޔުންތެރިންގެ ހިޔާލު