-

އޮޑިޓް ގާނޫނު (ގާނޫނު ނަންބަރު 2007-04) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2020-18)

 

ގާނޫނު ނަންބަރު 2007-04 (އޮޑިޓް ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

  

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 5 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާ އިތުރުކުރުން.

އޮޑިޓަރ ޖެނެރަލް މިނިވަންކަމާއެކު މަސްއޫލިއްޔަތު އަދާކުރުން 5-1.  

(ހ) އޮޑިޓަރ ޖެނެރަލާ ގާނޫނުއަސާސީންނާއި ގާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އޭނާ އަދާކުރަންވާނީ، ތައައްޞުބުން އެއްކިބާވެހުރެ، މިނިވަންކަމާ އެކުގައެވެ.

(ށ) އޮޑިޓަރ ޖެނެރަލަކީ، އޭނާގެ މަގާމުގެ ވާޖިބުތައް އަދާކުރުމުގައާއި އޭނާގެ ބާރުތައް ބޭނުންކުރުމުގައި، އެއްވެސް ފަރާތެއްގެ ނުފޫޒެއްގެ ދަށުގައިވާ މީހެއް ކަމުގައި ވެގެންނުވާނެއެވެ.

(ނ) އޮޑިޓަރ ޖެނެރަލްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް މިނިވަންކަމާއި، އަދުލުވެރިކަމާއެކު، އަދި ވަކިފަރާތަކަށް ޖެހުމެއްނެތި، އަދި ވަކި ނުފޫޒަކަށް ލެނބުމެއްނެތި އަދާކުރަންވާނެއެވެ.

  

2 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 6 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

އޮޑިޓަރ ޖެނެރަލްގެ ސުލޫކީ މިންގަނޑު 6.   

އޮޑިޓަރ ޖެނެރަލް އޭނާގެ ފަރުދީ ހައިސިއްޔަތުންނާއި މަގާމުގެ ހައިސިއްޔަތުން، ހުރިހާ ހާލަތެއްގައިވެސް، އަންނަނިވި ސުލޫކީ މިންގަނޑުތަކަށް ތަބާވާންވާނެއެވެ.

(ހ) އޮޑިޓަރ ޖެނެރަލްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބަށް ބުރޫއަރާފާނެފަދަ ނުވަތަ މަސްލަހަތު ފުށުއަރާފަދަ އެއްވެސް ކަމެއް ނުކުރުން؛

(ށ) އޮޑިޓަރ ޖެނެރަލްގެ މަގާމުގެ ގަދަރަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމެއް، އެއްވެސް ވަގުތެއްގައި ނުކުރުން؛

(ނ)  އޮޑިޓަރ ޖެނެރަލަށް ގާނޫނުން ލިބިދޭ ބާރާއި އިހްތިޔާރު ނުރަނގަޅު ނިޔަތެއްގައި ވަކިފަރާތަކަށް ގެއްލުމެއް ދިނުމުގެ ބޭނުމުގައި ބޭނުންނުކުރުން ނުވަތަ ގާނޫނާ ހިލާފު އަމަލެއް ކުރުމަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް މަގާމުގެ ބޭނުން ނުކުރުން؛

(ރ) ކަނޑައެޅިގެން ވަކި މީހަކަށް ގެއްލުން ދިނުމުގެ ނިޔަތުގައި ނުވަތަ އޭނާގެ އަބުރު ނަގާލުމުގެ ނިޔަތުގައި ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް މަގާމުގެ ބޭނުންކޮށްގެން ކަމެއް ނުކުރުން؛

(ބ) ޢާންމު އުސޫލަކުން ކޮންމެ މީހަކަށްވެސް ލިބެންއޮތް ހަދިޔާއެއް ނުވަތަ އެހީއެއް ނުވަތަ މަންފާއެއް ނުވަތަ މެހެމާންދާރީއެއް ފިޔަވައި އެނޫން ހަދިޔާއެއް، ނުވަތަ އެހީއެއް، ނުވަތަ މަންފާއެއް ނުވަތަ މެހެމާންދާރީއެއް އެއްވެސް ފަރާތަކުން ނުހޯދުން.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 6 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާތައް އިތުރުކުރުން. 

ޒިންމާ އަދާކުރުމުގައި ހިފަހައްޓަންޖެހޭ ހަމަތައް   1-6

(ހ) އޮޑިޓަރ ޖެނެރަލާއި އޭނާގެ އޮފީހުގެ މުވައްޒަފުން މަގާމުގެ ޒިންމާތަކާއި ވާޖިބުތައް އަދާކުރުމުގައި އަންނަނިވި ހަމަތަކާއި، މި ގާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ސުލޫކީ މިންގަނޑު ހިފެހެއްޓުމުގެ އިތުރުން، ސުލޫކީގޮތުން އަމަލުކުރާނެ އުސޫލެއް ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށާއި ބައިނަލްއަޤްވާމީ ހަމަތަކަށް ފެތޭގޮތަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެކުލަވާލައި އެ އުސޫލަށް އަމަލުކުރަންވާނެއެވެ. އެގޮތުން، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ސުލޫކީގޮތުން އަމަލުކުރާނެ އުސޫލު، މި ގާނޫނަށް އަމަލުކުރަން ފަށާތާ 2 (ދޭއް) މަސްދުވަހުގެ ތެރޭގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

  1. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި އެންމެހައި ގާނޫނުތަކަށް ތަބާވެ، އެ ގާނޫނުތަކަށް އިހްތިރާމްކުރުމާއި، އެ ގާނޫނުތަކުގެ ދަށުން ހުއްދަ އަމުރެއްކުރާ ފަރާތެއްގެ އަމުރަށް ރަސްމީ ވާޖިބު އަދާކުރުމުގައި ތަބާވަމުންދިޔުން.
  2. ޒާތީ އެއްވެސް ތައައްޞުބަކާ ނުލައި، އަދި ފޯރުވާ ނުފޫޒަކަށް ތަބާނުވެ، ގާނޫނުތަކާއި ގަވާއިދުތަކާއި މަސައްކަތުގައި ބޭނުންކުރާ އުސޫލުތަކާއި ހަމަތަކާއި ހެކީގެ މައްޗަށް ނިންމުންތައް ނިންމުމާއި، އެކަން ކުރުމުގައި ތިމާގެ މަސައްކަތަށާއި ތިމާގެ ވާޖިބަށް އިހްލާސްތެރިވުމާއި އިންސާފުވެރިވުމާއި، ފަރުވާތެރިވުން.
  3. ރަސްމީ މަސައްކަތުގެ ދާއިރާގެ ތެރޭގައި އެހެން މީހުންނާ މުޢާމަލާތް ކުރުމުގައި، އިހްތިރާމާއެކު މުޢާމަލާތްކުރުން.
  4. އޮޑިޓަރ ޖެނެރަލަށް ލިބިދޭ ބާރާއި އިހްތިޔާރު ނުރަނގަޅު ނިޔަތެއްގައި ވަކިފަރާތަކަށް ފައިދާއެއް ހޯދައިދިނުމަށް ނުވަތަ ގެއްލުމެއް ދިނުމުގެ ބޭނުމުގައި ބޭނުންނުކުރުމާއި، ގާނޫނުގެ ދާއިރާގެ ތެރޭގައި އޮޑިޓަރ ޖެނެރަލަށް ލިބިދޭ އިހްތިޔާރު ސައްހަގޮތުގައި ބޭނުންކުރުމާއި، އެ އިހްތިޔާރު ބޭނުންކުރުމުގައި ދައުލަތާއި އެހެން މީހުންގެ ހައްގުތަކަށާއި ވާޖިބުތަކަށާއި މަސްލަހަތުތަކަށް އިހްތިރާމްކުރުން.
  5. މި ގާނޫނުގެ 6 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ ހާލަތުގައި ފިޔަވައި، އެއްވެސް ފަރާތެއްގެ އެހީއާއި ޢިނާޔަތާއި މެހެމާންދާރީއާއި ހަދިޔާ، ސީދާގޮތުގައި ނުވަތަ ނުސީދާގޮތުގައި ނަމަވެސް ނުހޯދުން.
  6. ތިމާއަށް ވަކި މީހަކު ނުވަތަ ވަކި ފަރާތަކުން ކޮށްދީފައިވާ ކަމެއްގެ މުގާބިލުގައި، އެހެން ކަމެއް ތިމާ ކޮށްދޭންޖެހުން ލާޒިމުވާ ހާލަތަށް ތިމާ ނުގެންދިޔުން.
  7. މަގާމުގައި ދެމިހުންނައިރު އަދި މަގާމުން ވަކިވުމަށްފަހުގައިވެސް، ތިމާގެ މަގާމު އަދާކުރުމުގައި ތިމާއަށް ލިބިފައިވާ މައުލޫމާތުތަކާއި، މައްސަލަތަކާ ގުޅިގެން ލިބޭ ސިއްރު ހިފަހައްޓަންޖެހޭ މައުލޫމާތުތައް ސިއްރުގެ ގޮތުގައި ހިފެހެއްޓުން.
  8. ގާނޫނުގައިވާ ގޮތުގެމަތިން، ސައްހަގޮތުގައި އެހެން ފަރާތަކަށް ހާމަކުރަންޖެހޭ މައުލޫމާތު ހާމަކުރުމާއި، އެ މައުލޫމާތު އަންގަންޖެހޭ ފަރާތްތަކަށް އެންގުމާއި، ރަސްމީ ވާޖިބު އަދާކުރުމުގައި ސައްހަ މައުލޫމާތު ފޯރުކޮށްދިނުމާއި، ނުރަނގަޅު ނުވަތަ ދޮގު މައުލޫމާތާއި ހަގީގަތް އޮޅޭގޮތަށް މައުލޫމާތު ހާމަ ނުކުރުން.
  9. އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތަށް މީހުން އިހްތިޔާރުކުރުމުގައާއި މީހުން އައްޔަންކުރުމުގައި އެންމެ އަސާސީ ރުކުނަކީ މަސައްކަތަށް އެކަށޭނަ ގާބިލުކަމާއި ތައުލީމީ ފެންވަރު ހުރުން ކަމުގައި ބެލުމާއި، ވަޒީފާ ދިނުމާއި ވަޒީފާގެ ކުރިއެރުން ދިނުމާއި މުވައްޒަފުންނާގުޅޭ އެހެނިހެން ކަންކަމުގައި ބަލަންޖެހޭ މައިގަނޑު މިންގަނޑަކީ ތައުލީމީގޮތުންނާއި އަހްލާގީގޮތުންނާއި މަސައްކަތުގެގޮތުން އެކަށޭނަ ބަޔަކަށްވުން ކަމުގައި ބެލުން.
  10. ސިޔާސީ ބަހުސްތަކުގައި ބައިވެރިނުވުމާއި، ސިޔާސީ މަޤްސަދެއް ހާސިލްކުރުމަށް ވަޒީފާ ބޭނުންނުކުރުމާއި، ސިޔާސީ ހަރަކާތްތަކަށް ތާއީދުކުރަނީކަން ނުވަތަ ދެކޮޅުހަދަނީކަން ދޭހަވާފަދަ ކަމެއް ނުކުރުމާއި، ސިޔާސީ ނުފޫޒަށް ތިމާ ލެނބޭކަން ދޭހަވާ ފަދަ އެއްވެސް ކަމެއް ނުކުރުން.
  11. އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން ކޮރަޕްށަންގެ އަމަލުތަކަށް ހުށަހެޅިދާނެ ހާލަތްތައް އަބަދުމެ ވަޒަންކުރަމުން ދިޔުމާއި، ކޮރަޕްށަނަށް މަގުފަހިނުވާނެ ގޮތުގެމަތިން އެފަރާތްތަކުގެ އަމަލުތައް ހުންނާނެގޮތަށް، އެމީހުންގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި މަސައްކަތުގެ އަހްލާގާއި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އިދާރީ އުސޫލުތައް ބައްޓަންކުރަމުންދިޔުން.
  12. އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެ ފެންވަރުމަތިކުރުމާއި ކޮރަޕްށަންގެ އަމަލުތަކުން ދުރުކުރުމަށްޓަކައި ހިންގަންޖެހޭ އުސޫލުތައް ހިންގުމާއި، އެމީހުންނަށް ތައުލީމާއި ތަމްރީނުދިނުމާއި، ނުހައްގު މުއްސަނދިކަމުން ސަލާމަތްވެތިބޭކަން ކަށަވަރުކުރުމުގެ ގޮތުން އެމީހުންގެ މާލީ ހާލަތަށް ސަމާލުވެތިބުމާއި، ކޮރަޕްށަނުން ރައްކާތެރިވެގެންވާ ނަމޫނާއެއް މުވައްޒަފުންނަށް ދެއްކުން.

(ށ) އޮޑިޓަރ ޖެނެރަލަށް ނުވަތަ އޮޑިޓަރ ޖެނެރަލް އޮފީހުގެ މުވައްޒަފަކަށް ކަމުގައިވީނަމަވެސް، ސުލޫކީ ހަމަތަކާ ހިލާފަށް ވަކިކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލަން އަންގާނަމަ ނުވަތަ ބާރުއަޅާނަމަ ނުވަތަ މަޖުބޫރުކުރުވާނަމަ، ނުވަތަ އޮޑިޓަރ ޖެނެރަލްގެ ނުވަތަ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުގެ މަސައްކަތް ނަޒާހަތްތެރިކަމާއެކު ކުރިއަށްގެންދިޔުމަށް ހުރަސްއެޅޭފަދަ ނުރަނގަޅު ނުފޫޒެއް ފޯރުވާނަމަ، ލަސްނުކޮށް އެންޓި-ކޮރަޕްށަން ކޮމިށަނަށާއި ރައްޔިތުންގެ މަޖިލީހަށް އެކަން ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޒިންމާތަކަކީ، އޮޑިޓަރ ޖެނެރަލާއި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެވެސް ވަޒީފާގެ މައިގަނޑު އެއް އަސާސް ކަމުގައި ބެލެވޭނެއެވެ. އެއީ، ވަޒީފާގެ އެއްބަސްވުމެއް ނެތްނަމަވެސް، އަދި އޮތް ވަޒީފާގެ އެއްބަސްވުމެއްގައި އެއިން ކަމެއް ހިމެނިފައިނުވި ނަމަވެސްމެއެވެ. އަދި، އެއިން ކަމަކާ ހިލާފުވުމަކީ، އެމީހަކާމެދު ތައުދީބީ ފިޔަވަޅު އެޅުމުގެ ހާލަތެއް އުފަންވުން ކަމުގައި ބެލެވޭނެއެވެ.

 

އިތުރު ވަޒީފާ އަދާނުކުރުމާއި މަސްލަހަތު ފުށުއަރާ ވިޔަފާރި ނުކުރުން 2-6  

(ހ) އޮޑިޓަރ ޖެނެރަލް، އާމްދަނީއެއް ލިބޭ އިތުރު ވަޒީފާއެއް އަދާކޮށް، ނުވަތަ މަގާމެއް ފުރައިގެން ނުވާނެއެވެ. ނުވަތަ އާމްދަނީއެއް ލިބޭފަދަ އެހެން އެއްވެސް މަސައްކަތެއް ކޮށްގެންނުވާނެއެވެ.

(ށ) އޮޑިޓަރ ޖެނެރަލް، އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ކޮށްގެންނުވާނެއެވެ. އަދި ވިޔަފާރީގެ އުސޫލުން އެއްވެސް ކަމެއް ކޮށްގެންނުވާނެއެވެ. އަދި ދައުލަތުގެ މުދަލާއި ބިން ގަނެ ނުވަތަ ކުއްޔަށް ހިފައިގެންނުވާނެއެވެ. އަދި ދައުލަތާއި އެހެން އެއްވެސް ފަރާތަކާ ދެމެދު ކުރެވޭ މުޢާމަލާތެއްގައި ސީދާގޮތުންވިޔަސް ނުވަތަ ނުސީދާގޮތުންވިޔަސް އޮޑިޓަރ ޖެނެރަލްގެ މާލީ އެއްވެސް މަސްލަހަތެއް ބާއްވައިގެންނުވާނެއެވެ.

(ނ) އޮޑިޓަރ ޖެނެރަލްގެ ހައިސިއްޔަތުން މެނުވީ، ދައުލަތުގެ އެހެން އެއްވެސް ކޮމިށަނެއްގައި، ނުވަތަ ކައުންސިލެއްގައި، ނުވަތަ މަޖިލީހެއްގައި، ނުވަތަ ކޮމިޓީއެއްގައި، ނުވަތަ ބޯޑެއްގައި، ނުވަތަ އެނޫންވެސް ތަނެއްގައި، އުޖޫރައަކަށްވިޔަސް ނުވަތަ އުޖޫރައަކާ ނުލައި ނަމަވެސް، ބައިވެރިވެގެންނުވާނެއެވެ.

(ރ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، ދިވެހިރާއްޖޭގައި ހިއްސާ ވިއްކާ ޕަބްލިކް ކުންފުންޏެއްގެ ސިގްނިފިކަންޓް ޝެއަރހޯލްޑަރެއް ކަމުގައިނުވާ ގޮތުން، އެފަދަ ކުންފުންޏެއްގެ ހިއްސާ މިލްކުކުރުމަކީ، މި މާއްދާގެ ބޭނުމަށްޓަކައި ވިޔަފާރިކުރުން ކަމުގައެއް ނުބެލެވޭނެއެވެ. މި މާއްދާގެ ބޭނުމަށްޓަކައި "ދިވެހިރާއްޖޭގައި ހިއްސާ ވިއްކާ ޕަބްލިކް ކުންފުންޏެއްގެ ސިގްނިފިކަންޓް ޝެއަރހޯލްޑަރެއް" ކަމަށް ބަޔާންކޮށްފައިއެވަނީ، ދިވެހިރާއްޖޭގައި ހިއްސާ ވިއްކާ ޕަބްލިކް ކުންފުންޏެއްގެ ހިއްސާގެ ރައުސުލްމާލުގެ %5 (ފަހެއް އިންސައްތަ) އަށްވުރެ ގިނަ އަދަދެއްގެ ހިއްސާގެ މައްޗަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ބާރު ފޯރުވޭ މަގާމެއްގައި ހުރި ހިއްސާދާރަކަށެވެ.

(ބ) އޮޑިޓަރ ޖެނެރަލް ކޮންސަލްޓަންޓެއްގެ ހައިސިއްޔަތުން އެއްވެސް ފަރާތަކަށް މަސައްކަތްކޮށްދީގެންނުވާނެއެވެ.

(ޅ) އޮޑިޓަރ ޖެނެރަލް އަދާކުރަންޖެހޭ މަސްއޫލިއްޔަތާ ފުށުއަރާފާނެ ބާވަތުގެ މަދަނީ ޖަމާއަތެއްގެ މެންބަރަކަށް އޮޑިޓަރ ޖެނެރަލް ވެގެންނުވާނެއެވެ.

(ކ) މި މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި، އޮޑިޓަރ ޖެނެރަލްގެ ނަމުގައި އޮތް ގޯއްޗެއް ނުވަތަ ގެއެއް ނުވަތަ މުދަލެއް، ބާޒާރުގައި އެފަދަ ގޯއްޗެއް ނުވަތަ ގެއެއް ނުވަތަ މުދަލެއްގެ އަގު ޢާންމުކޮށް ހުރި އަގަށްވުރެ ބޮޑުނޫން އަގަކަށް ވިއްކާލުމާއި، އެފަދަ ގޯއްޗެއް ނުވަތަ ގެއެއް ނުވަތަ މުދަލެއް ބާޒާރުގައި ޢާންމުކޮށް ކުއްޔަށްދީއުޅޭ އަގަށްވުރެ ބޮޑުނޫން އަގެއްގައި ކުއްޔަށްދީގެން އާމްދަނީ ހޯދުން، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ވިޔަފާރިއާއި މަސައްކަތުގެ ތެރޭގައި ހިމެނިގެނެއް ނުވެއެވެ.

(އ) އޮޑިޓަރ ޖެނެރަލްކަމުން ވަކިވުމަށްފަހު، ފުރަތަމަ ހިނގާ 12 (ބާރަ) މަސްދުވަހުގެ މުއްދަތު ފާއިތުވަންދެން، އޮޑިޓަރ ޖެނެރަލްގެ ހައިސިއްޔަތުން އޭނާ އަދާކުރި މަސްލަހަތާ ފުށުއަރާ ވަޒީފާއެއް ނުވަތަ މަސައްކަތެއް، އޮޑިޓަރ ޖެނެރަލް ކޮށްގެންނުވާނެއެވެ.

 

މަސްލަހަތު ފުށުއަރާ މައްސަލަތަކުން ދުރުހެލިވުން 3-6   

(ހ) އޮޑިޓަރ ޖެނެރަލް އަދާކުރަންޖެހޭ ރަސްމީ ވާޖިބާއި އޭނާގެ މަސްލަހަތާ ދެމެދު އެއްވެސް ފުށުއެރުމެއް އުފެދުމަކަށް ފުރުސަތު ދީގެން ނުވާނެއެވެ.

(ށ) އޮޑިޓަރ ޖެނެރަލްގެ މަސްލަހަތު ފުށުއެރުން ކަމަށް މި މާއްދާގެ (ހ) ގައި ބުނެފައިއެވާ އުސޫލުގައި، އޭނާ އިނދެގެންއުޅޭ މީހާއާއި، އޭނާގެ ދަރިންނާއި، އޭނާ ސީދާ ބަލަހައްޓަމުންގެންދާ އެހެން މީހުންގެ މަސްލަހަތު ފުށުއެރުމަކީވެސް، އޮޑިޓަރ ޖެނެރަލްގެ މަސްލަހަތު ފުށުއެރުން ކަމުގައި ބެލެވޭނެއެވެ.

(ނ) އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކުރިއަށްގެންދާ އޮޑިޓެއްގައި، އޮޑިޓަރ ޖެނެރަލްގެ މަސްލަހަތު ފުށުއަރާފާނެ ފަދަ ހާލަތެއް ދިމާވެއްޖެނަމަ، ނުވަތަ ދިމާވެދާނެކަމަށް ގަބޫލުކުރެވޭނަމަ، އެކަން ބަޔާންކުރުމަށްފަހު، އެ މައްސަލައެއް ބެލުމުން ތަނާޒުލުވާންވާނެއެވެ. އަދި އެ މައްސަލައެއް ބެލުމުގައި އެއްވެސް ފަރާތަކަށް އެއްވެސް މިންވަރަކަށް ނުފޫޒު ފޯރުވައިގެންނުވާނެއެވެ. އަދި އެ މައްސަލައެއް ނިންމުމުގައި އޭގެ ފަހުން އެއްވެސް މިންވަރަކަށް ބައިވެރިވެގެންނުވާނެއެވެ.

(ރ) މި މާއްދާގެ (ހ)، (ށ)، އަދި (ނ) ގައި ބަޔާންވެގެންވާ އުސޫލުތައް، ކަމާގުޅޭ ނިސްބަތަށް، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެ މައްޗަށްވެސް ހިނގާނެއެވެ.

(ބ) މި މާއްދާގެ (ހ)، (ށ)، އަދި (ނ) ގައި ބަޔާންވެގެންވާ އުސޫލަކާ އޮޑިޓަރ ޖެނެރަލް ހިލާފުވުމަކީ، އޭނާ މަގާމުގައި ހުރެ ކުރުން އެކަށީގެންނުވާ ކަމެއް ކުރީކަމުގައި ބަލައި، އޭނާ މަގާމުން ވަކިކުރެވިދާނެ ހާލަތެއްކަމުގައި ބެލެވޭނެއެވެ.

(ޅ) މި މާއްދާގެ (ހ)، (ށ)، އަދި (ނ) ގައި ބަޔާންވެގެންވާ އުސޫލަކާ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފަކު ހިލާފުވުމަކީ، މި ގާނޫނުގެ އެހެން މާއްދާއެއްގައި ނުވަތަ އެހެން ގާނޫނެއްގައި އެހެންގޮތަކަށް އޮތްނަމަވެސް، އޭނާ މަގާމުގައި ހުރެ ކުރުން އެކަށީގެންނުވާ ކަމެއް ކުރީކަމަށް ބަލައި، އޭނާ މަގާމުން ވަކިކުރެވިދާނެ ހާލަތެއް ކަމުގައި ބެލެވޭނެއެވެ.

 

ސިޔާސަތުތައް އެކަށައެޅުން  4-6 

މި ގާނޫނުގެ 1-6 ވަނަ މާއްދާގައި ބަޔާންވެގެންވާ ހަމަތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރުމަށްޓަކައި ބޭނުންވާ ސިޔާސަތުތަކާއި އުސޫލުތަކާއި ތަމްރީނުތަކާއި ހަމަތަކާގުޅޭ ތަފްސީލުތައް މި ގާނޫނު ފާސްކުރާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އޮޑިޓަރ ޖެނެރަލް އެކުލަވާލައި ތަންފީޒުކުރަންވާނެއެވެ. އަދި އެ ހަމަތަކަށް އަމަލުކުރުމުގައި ކުރުން ހުއްދަވެގެންވަނީ ކޮން ކަމެއްކަން ނުވަތަ މަނާވެގެންވަނީ ކޮން ކަމެއްކަން އެނގޭނެ މިންވަރަށް އެ ހަމަތައް ތަފްސީލުކޮށްދޭންވާނެއެވެ.

 

ސުލޫކީ ހަމަތަކަށް ތަބާވުން 5-6  

(ހ) އޮޑިޓަރ ޖެނެރަލް އޭނާގެ މަގާމުގެ ވާޖިބު އަދާކުރުމުގައި، މި ގާނޫނުގައި ބަޔާންވެގެންވާ ސުލޫކީ ހަމަތަކުގެ އެންމެމަތީ މިންގަނޑުގައި ހިފަހައްޓައި، އެހެން މީހުންނަށްވެސް އެ ހަމަތަކަށް ތަބާވާކަން އެނގޭ މިންވަރަށް، ހުރިހާ ހާލަތެއްގައިވެސް އެ ހަމަތަކަށް ތަބާވާންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ސުލޫކީ ހަމަތަކަށް އޮޑިޓަރ ޖެނެރަލް ތަބާވުން އެ މާއްދާގެ ދަށުން ލާޒިމުކުރާ ފަދައިން، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންވެސް އެ ސުލޫކީ ހަމަތަކަށް ތަބާވާކަން، އޮޑިޓަރ ޖެނެރަލް ކަށަވަރުކުރަންވާނެއެވެ.

(ނ) އޮޑިޓަރ ޖެނެރަލްގެ ފަރުދީ ހައިސިއްޔަތުންނާއި މަގާމުގެ ހައިސިއްޔަތުން އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މިނިވަންކަމާއި، އަބުރުވެރިކަމާއި، ހަމަހަމަކަމާއި އަހްލާގީ އަދި ސުލޫކީ މިންގަނޑުތައް ހިފަހައްޓަންވާނެއެވެ.

 

ސުލޫކީ ހަމަތަކާ ހިލާފުވުން 6-6 

(ހ) މި ގާނޫނުގައި ބަޔާންވެގެންވާ ސުލޫކީ ހަމަތަކުގެ ތެރެއިން ހަމައަކާ އޮޑިޓަރ ޖެނެރަލް ހިލާފުވުމަކީ، މި ގާނޫނުގެ އެހެން މާއްދާއެއްގައި ނުވަތަ އެހެން ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، އޭނާ މަގާމުގައި ހުރެ ކުރުން އެކަށީގެންނުވާ ކަމެއް ކުރީކަމަށް ބަލައި، އޭނާ މަގާމުން ވަކިކުރެވިދާނެ ހާލަތެއް އުފަންވީ ކަމުގައި ބެލެވޭނެއެވެ.

(ށ) އޮޑިޓަރ ޖެނެރަލް ސުލޫކީ ހަމަތަކާ ހިލާފަށް ކުރި ކަމަކީ، އޭގައި ޖިނާއީ ކުށެއްގެ އަމަލު ހިމެނިގެންވާ ކަމެއް ކަމުގައިވާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅު އެޅުމަކީ، ޖިނާއީ ދައުވާއެއް އޭނާގެ މައްޗަށް ކުރުމަށް އޮތް ހުރަހެއްނޫނެވެ.

 

މާލީ ހިސާބު ހުށަހެޅުން  7-6 

(ހ) އެހެން ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ނުވަތަ އެފަދަ ގާނޫނެއްގެ ދަށުން އެހެންގޮތަކަށް އަމަލުކުރަމުން އައިކަމުގައިވީނަމަވެސް، މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު، އޮޑިޓަރ ޖެނެރަލް މާލީ ހިސާބު ހުށަހެޅުމުގައި އަމަލުކުރާނީ، މި ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ށ) އޮޑިޓަރ ޖެނެރަލް ކަމަށް އައްޔަންކުރެވޭ މީހާ، އޭނާގެ މަގާމާ ހަވާލުވިއިރު، އޭނާއަށް ލިބިފައިވާ އާމްދަނީއާއި އޭނާގެ ނަމުގައި ހުރި މުދަލާއި އޭނާ އަދާކުރަންޖެހޭ ދަރަނީގެ ޒިންމާ އެނގޭނެ މާލީ ހިސާބު، އެ މަގާމާ އޭނާ ހަވާލުވާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މާލީ ހިސާބު ހުށަހެޅުމުގެ އިތުރަށް، މަގާމާ ހަވާލުވާ ތާރީޚުން ފެށިގެން ކޮންމެ އަހަރެއްގެ މާލީ ހިސާބު އެ އަހަރެއް ނިމޭތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަމުން ގެންދަންވާނެއެވެ. މި މާއްދާގެ ބޭނުމަށްޓަކައި އަހަރު ކަމަށް މާނަކޮށްފައިވަނީ، އެމީހަކު އޮޑިޓަރ ޖެނެރަލްގެ މަގާމާ ހަވާލުވާ ތާރީޚުން ފެށިގެން 1 (އެކެއް) އަހަރުދުވަސް ހަމަވާ ތާރީހަށެވެ.

(ރ) އޮޑިޓަރ ޖެނެރަލް މަގާމުން ވަކިވުމަށްފަހު ނުވަތަ އިސްތިއުފާ ދިނުމަށްފަހު ހިނގާ ފުރަތަމަ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، އޭނާ މަގާމުން ވަކިވިއިރު އޭނާއަށް ލިބިފައިވާ އާމްދަނީއާއި އާމްދަނީ ލިބޭ ގޮތްތަކާއި އޭނާގެ ނަމުގައި ހުރި މުދަލާއި އޭނާ އަދާކުރަންޖެހޭ ދަރަނީގެ ޒިންމާ އެނގޭނެ މާލީ ހިސާބު، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.

(ބ) މި މާއްދާގެ (ށ)، (ނ)، އަދި (ރ) ގެ ދަށުން އޮޑިޓަރ ޖެނެރަލް މާލީ ހިސާބު ހުށަހަޅާއިރު، އޭނާ އިނދެގެންއުޅޭ މީހާއާއި، 18 އަހަރު ނުފުރޭ ދަރިންގެ މާލީ ހިސާބުވެސް ހުށަހަޅަންވާނެއެވެ.

(ޅ) މި މާއްދާގެ (ހ)، (ށ)، (ނ)، (ރ)، އަދި (ބ) ގެ ދަށުން ހުށަހެޅުން ލާޒިމުކުރާ މާލީ ހިސާބުތައް ތައްޔާރުކުރާނީ، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ނަމޫނާއަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

ސުލޫކީ ހަމަތަކާ މުވައްޒަފުން ހިލާފުވުން 8-6

(ހ) އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފަކު މި ގާނޫނުގެ 1-6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ސުލޫކީ ހަމަތަކުގެ ތެރެއިން ހަމައަކާ ހިލާފުވެއްޖެކަމަށްވާނަމަ، އެ ހިލާފުވި މިންވަރެއްގެ ކުޑަބޮޑު މިނަށް ބަލައި، އެ މުވައްޒަފަކާމެދު އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެ ގަވާއިދުގައިވާ ގޮތުގެމަތިން ފިޔަވަޅު އަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން ސުލޫކާ ހިލާފުވެގެން އެ މުވައްޒަފުންނާމެދު އެޅޭނެ ފިޔަވަޅުތައް، މި ގާނޫނުގެ ދަށުން ހަދާ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ނ) އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފަކު ސުލޫކީ ހަމަތަކާ ހިލާފަށް ކުރިކަމަކީ، އޭގައި ޖިނާއީ ކުށެއްގެ އަމަލު ހިމެނިގެންވާ ކަމެއް ކަމުގައިވާނަމަ، މި މާއްދާގެ (ހ) ގެ ދަށުން އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ފިޔަވަޅު އެޅުމަކީ، އޭނާގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރުމަށް އޮތް ހުރަހެއް ނޫނެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 9 ވަނަ މާއްދާގެ، ތިރީގައި ނަކަލުކޮށްފައިވާ (ޅ) އުނިކުރުން.

9. (ޅ) ގާނޫނީގޮތުން އުފެދޭ ސުވާލުތަކަށް، ދައުލަތުގެ ބަންޑާރަނާއިބުގެ ލަފާ ހޯދުން؛

 

5 ވަނަ މާއްދާ – މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

އޮޑިޓް ގާނޫނު (ގާނޫނު ނަންބަރު 2007-04)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު