-

ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2020-11)

 

އެއްވަނަ ބާބު

ފެށުން

 

1 ވަނަ މާއްދާ - ތަޢާރުފާއި ނަން         

(ހ)   މިއީ، ދިވެހިރާއްޖޭގައި ވިޔަފާރީގެ ދާއިރާގައި ވާދަވެރި ސަގާފަތެއް އުފައްދައިގެން ވިޔަފާރިތައް ކުރިއަރުވައި، ވިޔަފާރިތަކުގެ ފެންވަރު މަތިކޮށް ދެމެހެއްޓުމަށާއި، ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން ހަނިވާގޮތަށް ހިންގާ ވިޔަފާރީގެ އަމަލުތަކުގެ ސަބަބުން ގައުމުގެ އިގްތިސާދީ ކުރިއެރުމަށް ކުރާ ނޭދެވޭ އަސަރުތައް ހުއްޓުވުމަށްޓަކައި އެކަށައަޅަންޖެހޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.

(ށ)   މި ގާނޫނަށް ކިޔާނީ، "ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - މަގްސަދު       

މި ގާނޫނުގެ މަގްސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

(ހ) ވިޔަފާރީގެ ދާއިރާގައި ވާދަވެރި ސަގާފަތެއް އާލާކުރުމާއި، ވިޔަފާރީގެ ދާއިރާގައި ވާދަވެރި މާހައުލެއް ކުރިއަރުވައި ދެމެހެއްޓުން؛

(ށ) ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައިގެން ވިޔަފާރިތައް ކުރިއަރުވައި، ވިޔަފާރިތަކުގެ ފެންވަރު މަތިކުރުން؛

(ނ) ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައިގެން ވިޔަފާރީގައި އާ ގޮތްތަކާއި، އާ ވިސްނުންތަކާއި އާ އުފެއްދުންތަކާއި ހިދުމަތްތައް ތަޢާރުފުކުރުމަށް ހިތްވަރުދިނުން؛

(ރ) ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިވެހިރާއްޖޭގެ އިގްތިސާދުގައި ބައިވެރިވުމުގެ ފުރުސަތުތައް ހުޅުވާލުމާއި، އެފަދަ ވިޔަފާރިތަކަށް އެ ފުރުސަތުތައް ކަށަވަރުކޮށްދިނުން؛

(ބ) މުދާ ގަތުމާއި ހިދުމަތް ހޯދުމުގައި ޢާންމުންނަށް އޮންނަ އިހްތިޔާރާއި ފުރުސަތުތައް އިތުރުކުރުން؛ އަދި

(ޅ) ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން ހަނިވާގޮތަށް ހިންގާ ވިޔަފާރީގެ އަމަލުތަކުގެ ސަބަބުން ގައުމުގެ އިގްތިސާދީ ކުރިއެރުމަށް ކުރާ ނޭދެވޭ އަސަރުތައް ހުއްޓުވުމަށްޓަކައި އަންނަނިވި ކަންކަން ކުރުން.

  1. ވިޔަފާރީގެ ދާއިރާގެ ވާދަވެރިކަމަށް ހުރަސްއަޅާ އެއްބަސްވުންތަކާއި ވިޔަފާރީގެ އަމަލުތައް މަނާކުރުން؛
  2. މާކެޓުގައި ނުފޫޒުފޯރުވޭނެ މަގާމެއް ލިބިފައިވާ ވިޔަފާރިއަކުން އެފަދަ މަގާމެއްގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރާ ކުރުން މަނާކުރުން؛
  3. އެއް ވިޔަފާރިއެއް އަނެއް ވިޔަފާރިއަކާ މަރޖްކުރުމުގެ ސަބަބުން ވިޔަފާރީގެ ދާއިރާގެ ވާދަވެރިކަމަށް އާދަޔާ ހިލާފަށް ހުރަސްއެޅިގެންދާދިޔުން ކޮންޓްރޯލްކުރުން.

 

3 ވަނަ މާއްދާ - ގާނޫނު ހިނގާނެ ދާއިރާ       

(ހ) މުދަލާއި ހިދުމަތް ހޯދުމާ ގުޅޭގޮތުން ދިވެހިރާއްޖޭގައި ވިޔަފާރި ހިންގާ ފަރާތްތަކުން ކުރާ މުޢާމަލާތްތަކަށާއި، ވިޔަފާރީގެ އެއްބަސްވުންތަކަށާއި އެނޫންވެސް ވިޔަފާރީގެ އެކި އަމަލުތަކުގެ މައްޗަށް މި ގާނޫނު ހިނގާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވިޔަފާރީގެ އަމަލުތަކަކީ، ދިވެހިރާއްޖޭގެ ސަރަހައްދުން ބޭރުގައި ހިންގޭ ކަންކަންކަމުގައި ވީނަމަވެސް، އެފަދަ އަމަލެއްގެ ސަބަބުން ދިވެހިރާއްޖޭގެ އެއްވެސް މާކެޓެއްގައި އޮންނަ ވާދަވެރިކަމަށް އަސަރު ފޯރާނަމަ، އެފަދަ އަމަލުތަކުގެ މައްޗަށްވެސް މި ގާނޫނު ހިނގާނެއެވެ.

(ނ)   ސަރުކާރު ކުންފުންޏަކުން ހިންގާ ވިޔަފާރިއަކީ، އެ ވިޔަފާރިއެއްގެ ދާއިރާގައި ހަރަކާތްތެރިވާ އެހެން ވިޔަފާރިތަކާ ވާދަކޮށްގެން ހިންގަންޖެހޭ ވިޔަފާރިއަކަށްވާ ހާލަތުގައި، ސަރުކާރު އެ ކުންފުންޏެއްގެ މައްޗަށްވެސް މި ގާނޫނު ހިނގާނެއެވެ.

 

4 ވަނަ މާއްދާ - އިސްތިސްނާ     

މި ގާނޫނުގެ 3 ވަނަ މާއްދާގައި އެހެން ބަޔާންކޮށްފައި ވީނަމަވެސް، ދައުލަތަށް ލިބިފައިވާ ސިޔާދަތީ ބާރުތަކުގެ ދަށުން ސަރުކާރުން ނުވަތަ ލޯކަލް ކައުންސިލަކުން އަޅާ ފިޔަވަޅުތަކުގެ މައްޗަކަށް، އަދި ސްޕެށަލް އިކޮނޮމިކް ޒޯނުގެ ގާނޫނުގެ ދަށުން، ސްޕެށަލް އިކޮނޮމިކް ޒޯންތަކުގައި ވިޔަފާރިކުރާ ފަރާތްތަކުގެ މައްޗަކަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކެއް ނުހިނގާނެއެވެ.

 

ދެވަނަ ބާބު

ވާދަވެރިކަމަށް ހުރަސްއަޅާ އެއްބަސްވުންތަކާއި އަމަލުތައް

 

5 ވަނަ މާއްދާ - ވާދަވެރިކަމަށް ހުރަސްއަޅާ އެއްބަސްވުންތަކާއި އަމަލުތައް     

(ހ) މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އެއްވެސް މުދަލެއް ނުވަތަ ހިދުމަތެއްގެ މާކެޓުގެ ވާދަވެރިކަން ނައްތާލުމުގެ މަގްސަދުގައި ނުވަތަ ވާދަވެރިކަމަށް ހުރަސްއެޅުމުގެ ނުވަތަ ނޭދެވޭ ބަދަލެއް ގެނައުމުގެ މަގްސަދުގައި ވިޔަފާރި ހިންގާ ދެ ފަރާތެއްގެ ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކުގެ މެދުގައި އެއްބަސްވުމެއް ވުމަކީ ނުވަތަ އެފަދަ އަމަލެއް ހިންގުމަކީ މި ގާނޫނުގެ ދަށުން މަނާކަމެކެވެ.

(ށ) މި މާއްދާގެ މަގްސަދަށްޓަކައި، ވިޔަފާރި ހިންގާ ދެ ފަރާތެއް ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކުގެ މެދުގައި ވެވޭ އެއްބަސްވުމެއްގެ ސަބަބުން ނުވަތަ އެފަރާތްތަކުގެ މެދުގައި ހިންގާ އަމަލެއްގެ ސަބަބުން އެއްވެސް މުދަލެއްގެ ނުވަތަ ހިދުމަތެއްގެ މާކެޓުގެ ވާދަވެރިކަން ނެތިދާފަދަ ނުވަތަ ވާދަވެރިކަމަށް ހުރަސްއަޅާ ނުވަތަ ނޭދެވޭ ބަދަލެއް އަންނަފަދަ ނަތީޖާއެއް ކުރިމަތިވެއްޖެނަމަ، އެފަދަ އެއްބަސްވުމެއް ނުވަތަ އަމަލެއް ހިމެނޭނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުން ނުވަތަ އަމަލުތަކުގެ ތެރޭގައެވެ.

(ނ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ވިޔަފާރި ހިންގާ ދެ ފަރާތެއްގެ ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކުގެ މެދުގައި ވެވޭ އެއްބަސްވުމެއް ނުވަތަ ހިންގާ އަމަލެއްގެ މަގްސަދުގެ ތެރޭގައި ނުވަތަ އެފަދަ އެއްބަސްވުމެއް ނުވަތަ އަމަލެއްގެ ސަބަބުން ކުރިމަތިވާ ނަތީޖާގެ ތެރޭގައި އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ހިމެނޭނަމަ، އެކަމަކީ ވާދަވެރިކަން ނައްތާލުމަށް ނުވަތަ ވާދަވެރިކަމަށް ހުރަސްއެޅުމަށް ނުވަތަ ނޭދެވޭ ބަދަލެއް ގެނައުމަށް ކޮށްފައިވާ ކަމެއްކަމުގައި ބެލޭނެއެވެ.

  1.  މާކެޓުގައި މުދަލެއް ނުވަތަ ހިދުމަތެއް ވިއްކާނެ ނުވަތަ ގަންނާނެ އަގު ކަނޑައެޅުން؛
  2. މުދަލެއް ނުވަތަ ހިދުމަތެއް ވިއްކުމުގައި އަގު ކަނޑައެޅުމުގެ އިތުރުން އެހެން ސޭލް ޓަރމްއެއް ނުވަތަ ޓަރމްތަކެއް، ނުވަތަ ވިއްކުމާބެހޭ ށަރުތެއް ނުވަތަ ށަރުޠުތަކެއް ކަނޑައެޅުން؛
  3. ވަކި މާކެޓެއް ނުވަތަ ވަކި ކަސްޓަމަރުންތަކެއް އެލޮކޭޓްކުރުން؛
  4. މުދަލެއް އުފައްދާ މިންވަރު ކޮންޓްރޯލްކުރުން ނުވަތަ މުދާ އުފައްދާނެ ލިމިޓެއް ކަނޑައެޅުން؛
  5. ވިޔަފާރި ހިންގާ ފަރާތްތަކެއް އެކުވެގެން ވަކި ފަރާތްތަކަކަށް މުދާ ފޯރުކޮށްދިނުމަށް އިއުތިރާޒުކުރުން ނުވަތަ ވަކި ފަރާތްތަކެއްގެ ކިބައިން މުދާ ގަތުމަށް އިއުތިރާޒުކުރުން؛
  6. މުދާ ނުވަތަ ހިދުމަތް ފޯރުކޮށްދިނުމުގައި ބޭނުންކުރާ ޓެކްނޮލޮޖީ ތަރައްގީކުރުމުގައި ކޮންޓްރޯލެއް ގެނައުން؛
  7. އިންވެސްޓުކުރުމުގައި ކޮންޓްރޯލެއް ގެނައުމާއި ހިފެހެއްޓުން.

(ރ)   މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، އެއްބަސްވުމުގެ މާނައިގެ ތެރޭގައި ލިޔުމުން ނުވަތަ އަނގަބަހުން ނުވަތަ ރަސްމީ ސިފައެއްގައި ނުވަތަ ނުރަސްމީ ސިފައެއްގައި ވެވޭ އެއްބަސްވުން ހިމެނެއެވެ.

 

6 ވަނަ މާއްދާ - ކުންފުނިތަކުގެ ގްރޫޕަށް ލިބިގެންވާ އިސްތިސްނާ     

ކުންފުނިތަކުގެ ގްރޫޕެއްގައި ހިމެނޭ އެއް ކުންފުންޏެއް، އެ ގްރޫޕެއްގައި ހިމެނޭ އެހެން ކުންފުންޏަކާ އެކުގައިވާ އެއްބަސްވުންތަކަކަށް މި ގާނޫނުގެ 5 ވަނަ މާއްދާއެއް ނުހިނގާނެއެވެ.

 

7 ވަނަ މާއްދާ - ޢާންމުންނަށް ލިބޭނެ ފައިދާއަށް ބަލައި އިސްތިސްނާކުރުން     

(ހ) ވިޔަފާރި ހިންގާ ފަރާތަކުން ކޮށްފައިވާ އެއްބަސްވުމަކީ ނުވަތަ އަމަލަކީ މި ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކުރާފަދަ އެއްބަސްވުމެއް ނުވަތަ އަމަލެއްކަމުގައި ވީނަމަވެސް، އެފަދަ އެއްބަސްވުމެއްގެ ނުވަތަ އަމަލެއްގެ ނަތީޖާއަކީ އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ހާސިލުވުންކަމުގައިވާނަމަ، އެފަދަ އެއްބަސްވުމަކަށް ނުވަތަ އަމަލަކަށް އިސްތިސްނާ ދިނުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.

  1.  އުފެއްދުންތެރިކަމަށް ނުވަތަ މުދާ ޑިސްޓްރިބިއުޓްކުރުމަށް ކުރިއެރުމެއް ލިބޭނަމަ، އަދި އެފަދަ ކުރިއެރުމަކުން ފާޅުކަން ބޮޑު ގޮތެއްގައި ޢާންމުންނަށް ފައިދާ ލިބޭނަމަ؛ ނުވަތަ
  2. ޓެކްނޮލޮޖިކަލް ކުރިއެރުމެއް ލިބޭނަމަ ނުވަތަ އިގްތިސާދީގޮތުން ކުރިއެރުމެއް ލިބޭނަމަ، އަދި އެފަދަ ކުރިއެރުމަކުން ފާޅުކަން ބޮޑުގޮތެއްގައި ޢާންމުންނަށް ފައިދާ ލިބޭނަމަ.

(ށ) މި މާއްދާގެ ދަށުން އެއްވެސް ފަރާތަކުން އިސްތިސްނާ ހޯދަން ބޭނުންވެއްޖެނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، އެކަމަށް އެދި މިނިސްޓަރަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން އިސްތިސްނާ ދިނުމުގައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ވަކި ށަރުޠުތަކަކާއެކު އިސްތިސްނާދިނުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ ދަށުން ވިޔަފާރި ހިންގާ ފަރާތަކަށް އިސްތިސްނާ ދިނުމަށް މިނިސްޓަރު ނިންމާ ނިންމުމެއްގައި، އެފަދަ އިސްތިސްނާއެއް ދިނުމުގެ ސަބަބުން ފާޅުކަން ބޮޑު ގޮތެއްގައި ޢާންމުންނަށް ފައިދާ ލިބޭނެކަމަށް ފެންނަ ސަބަބުތައް ބަޔާންކުރަންވާނެއެވެ.

(ބ) މި މާއްދާގައި ބަޔާންކުރާ އިސްތިސްނާ ދިނުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދު، މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީން ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިޢުކުރަންވާނެއެވެ.

 

8 ވަނަ މާއްދާ - ގަނޑުކޮށް އިސްތިސްނާދިނުން     

(ހ) ވަކި ބާވަތެއްގެ އެއްބަސްވުންތަކަކީ، މި ގާނޫނުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބާވަތުގެ އެއްބަސްވުންތަކެއްކަމަށް މިނިސްޓަރަށް ގަބޫލުކުރެވޭނަމަ، އެ ބާވަތުގެ ހުރިހާ އެއްބަސްވުންތަކަކަށް ގަނޑުކޮށް އިސްތިސްނާ ދިނުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.                 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ގަނޑުކޮށް އެއްވެސް ބާވަތެއްގެ އެއްބަސްވުމަކަށް އިސްތިސްނާދީފިނަމަ، އެކަން ޢާންމުކޮށް އިޢުލާންކުރަންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން ގަނޑުކޮށް އިސްތިސްނާދިނުމުގައި ވަކި ށަރުޠުތަކަކާއެކު އިސްތިސްނާދިނުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.

(ރ)   މި މާއްދާގެ ދަށުން ގަނޑުކޮށް އިސްތިސްނާދިނުމާ ގުޅޭގޮތުން އަމަލުކުރާނެގޮތުގެ ގަވާއިދު މިނިސްޓްރީން އެކުލަވާލައި، މި ގާނޫނަށް އަމަލުކުރަން ފަށާތާ  6 (ހައެއް) މަސްދުވަހުގެ ތެރޭގައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިޢުކުރަންވާނެއެވެ.

 

9 ވަނަ މާއްދާ - ފިޔަވަޅު އެޅުން      

(ހ) މި ގާނޫނުގެ 5 ވަނަ މާއްދާގައި މަނާކޮށްފައިވާ އެއްބަސްވުމެއް ވާ ނުވަތަ އަމަލެއް ހިންގާ ފަރާތަކާމެދު އެ ފަރާތަކުން ހިންގި އަމަލުގެ ކުޑަބޮޑު މިނަށް ބަލައި، އަންނަނިވި ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް އެޅުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.

  1.  އެފަދަ އެއްބަސްވުމެއް އިސްލާހުކުރުމަށް އެންގުން؛ ނުވަތަ
  2. އެފަދަ އަމަލެއް ހުއްޓުމަށް އެންގުން؛ ނުވަތަ
  3. މި އަކުރުގެ (1) ވަނަ ނަންބަރު ނުވަތަ (2) ވަނަ ނަންބަރުގައި ބަޔާންކުރާ އެންގުމެއް އެންގުމާއެކު، 10,000 (ދިހަހާސް) ރުފިޔާއާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.

(ށ) މި ގާނޫނުގެ 7 ވަނަ މާއްދާގެ (ނ) ގެ ދަށުން ވަކި ށަރުޠުތަކަކާއެކު އިސްތިސްނާދެވޭ ހާލަތުގައި، އެފަދަ އިސްތިސްނާއެއް ލިބޭ ފަރާތަކުން އެއިން ށަރުޠަކާ ހިލާފުވެއްޖެނަމަ، އަންނަނިވި ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް އެޅުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.

  1. އެފަރާތަކަށް ދީފައިވާ އިސްތިސްނާއެއް އަނބުރާ ގެނައުން؛ އަދި
  2. 5000 (ފަސްހާސް) ރުފިޔާއާއި 50,000 (ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.

(ނ) މި ގާނޫނުގެ 8 ވަނަ މާއްދާގެ (ނ) ގެ ދަށުން ވަކި ށަރުޠުތަކަކާއެކު ގަނޑުކޮށް އިސްތިސްނާދެވޭ ހާލަތުގައި، އެއިން ށަރުޠަކާ ހިލާފަށް އެއްވެސް ފަރާތަކުން އަމަލުކުރާނަމަ، އެ ހިލާފުވާ ފަރާތަކާމެދު އަންނަނިވި ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް އެޅުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.

  1. މި ގާނޫނުގެ 8 ވަނަ މާއްދާގެ (ނ) ގެ ދަށުން ކަނޑައަޅާފައިވާ ށަރުޠުތަކާ ހިލާފަށް އެފަރާތަކުން ހިންގާ ވިޔަފާރީގެ ހަރަކާތް ހުއްޓުމަށް އެންގުން؛ އަދި
  2. 10,000 (ދިހަހާސް) ރުފިޔާ އާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.

 

 

ތިންވަނަ ބާބު

މާކެޓުގައި ނުފޫޒުފޯރުވޭނެ މަގާމެއް ލިބިފައިވާ ވިޔަފާރިއަކުން އެ މަގާމުގެ ބޭނުން ނަހަމަގޮތުގައި ހިފުން

 

10 ވަނަ މާއްދާ - މަގާމުގެ ބޭނުން ނަހަމަގޮތުގައި ހިފުން        

މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މާކެޓެއްގައި މުދަލެއް ނުވަތަ ހިދުމަތެއް ވިއްކުމަށް ނުފޫޒުފޯރުވޭފަދަ މަގާމެއް ލިބިފައިވާ ވިޔަފާރި ހިންގާ ފަރާތަކުން، އެފަރާތުން އަމިއްލައަށް ނުވަތަ އެހެން ފަރާތަކާ ގުޅިގެން ނަމަވެސް، އެ ވިޔަފާރި ހިންގާ ފަރާތަކަށް ލިބިފައިވާ މަގާމުގެ ބޭނުން ނަހަމަގޮތުގައި ހިފުމަށްޓަކައި ތިރީގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކަމެއް ކުރުމަކީ މަނާކަމެކެވެ.

(ހ) ވާދަވެރި އެހެން ވިޔަފާރި ހިންގާ ފަރާތެއްގެ ވިޔަފާރި ނައްތާލުމުގެގޮތުން މުދާ ނުވަތަ ހިދުމަތުގެ އަގަށްވުރެ ދަށް އަގެއްގައި އެ މުދަލެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުން؛

(ށ) ވާދަވެރި އެހެން ވިޔަފާރި ހިންގާ ފަރާތެއްގެ ވިޔަފާރި ނައްތާލުމުގެގޮތުން އިންސާފުވެރި ނޫން އަގެއް ކަނޑައެޅުން؛

(ނ) ވާދަވެރި އެހެން ވިޔަފާރި ހިންގާ ފަރާތެއްގެ ވިޔަފާރި ނައްތާލުމުގެގޮތުން ވަކި ވިޔަފާރިއަކަށް ނުވަތަ ވިޔަފާރިތަކަކަށް މުދާ ފޯރުކޮށްދިނުމަށް އިއުތިރާޒުކުރުން؛

(ރ) ކަސްޓަމަރުންނަށް ގެއްލުންވާނެގޮތަށް މުދާ އުފެއްދުން ކޮންޓްރޯލްކުރުން ނުވަތަ ޓެކްނޮލޮޖީ ތަރައްގީކުރުން ކޮންޓްރޯލްކުރުން؛

(ބ) ކަސްޓަމަރުންނަށް ގެއްލުންވާނެގޮތަށް މުދަލެއް ނުވަތަ ހިދުމަތެއް ލިބޭނެ ތަންތަނުގެ އަދަދު ކޮންޓްރޯލްކުރުން؛

(ޅ) ވާދަވެރި ވިޔަފާރިއެއް އެ މާކެޓުން ބޭރުކޮށްލުމުގެގޮތުން ނުވަތަ ވިޔަފާރިއަކަށް ވަކި މާކެޓަކަށް ވަދެވުނަ ނުދިނުމަށްޓަކައި ހުރަސްއެޅުމުގެގޮތުން، ނުވަތަ އެ ވިޔަފާރިއެއް ފުޅާވުމުގެ ފުރުސަތު ނުދިނުމުގެގޮތުން އެއް ބާވަތެއްގެ މުޢާމަލާތްތަކަކާ ގުޅިގެން އެއް ހާލަތެއްގައިވާ ދެ ވިޔަފާރިއެއް ތަފާތުކުރުމާއި، އެފަދަ ވިޔަފާރިއަކަށް ތަފާތުވާނެގޮތަށް ށަރުޠު ކަނޑައެޅުން؛ ނުވަތަ

(ކ) ވިޔަފާރީގެ މުޢާމަލާތްތަކާ ގުޅިގެން ހަދަންޖެހޭ އެއްބަސްވުމެއް ހަދާނީ، އެ އެއްބަސްވުމުގެ އަނެއް ބައިވެރިޔާ އިތުރު އެހެން އިލްތިޒާމްތައް އަދާކުރުމަށް އެއްބަސްވާ ގޮތުގެމަތިންކަމަށް ށަރުޠުކުރުން. އަދި، މިގޮތަށް ށަރުޠުކުރާ އިލްތިޒާމްތަކަކީ، އެފަދަ އެއްބަސްވުމެއްގައިވާ މައިގަނޑު ކަންކަމާ އޭގެ ޒާތުގައި އެއްވެސް ގުޅުމެއް ނެތް ނުވަތަ ވިޔަފާރީގެ ބޭނުމަށް ބެލިނަމަވެސް، އެއްވެސް ގުޅުމެއް ނެތް އިލްތިޒާމްތަކަކަށްވުން.

 

11 ވަނަ މާއްދާ - ނުފޫޒުފޯރުވޭނެ މަގާމެއް އޮތްތޯ ކަނޑައެޅުމުގައި ބަލާނެ ކަންކަން       

މި ގާނޫނުގެ 10 ވަނަ މާއްދާގެ ބޭނުމަށްޓަކައި، ވަކި ފަރާތަކީ، މާކެޓެއްގައި މުދަލެއް ވިއްކުމުގައި ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުމުގައި ނުފޫޒުފޯރުވޭފަދަ މަގާމެއް ލިބިފައިވާ ފަރާތެއްކަމަށް ކަނޑައަޅާނީ، އެ މުދަލެއް ނުވަތަ ހިދުމަތެއް ވިއްކުމުގެ މާކެޓުގެ ޒާތަށާއި، އެ މާކެޓުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަދަދާއި ނިސްބަތަށް ބަލައި، އެ ފަރާތަކަށް މާކެޓުގެ އަގުތަކަށް ނުވަތަ މާކެޓަށް ނެރޭ މުދަލުގެ އަދަދަށް ނުވަތަ އެ މާކެޓުގެ ވިޔަފާރީގެ ށަރުޠުތަކަށް ބަދަލުގެނައުމަށް ލިބިފައިވާ ބާރު ނުވަތަ މާކެޓުގެ ހިއްސާގެ އެކަށީގެންވާ ނިސްބަތެއް ކޮންޓްރޯލްކުރުމަށް ލިބިފައިވާ މަގާމަށް ރިޢާޔަތްކޮށެވެ.

 

12 ވަނަ މާއްދާ - މަގާމުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން

މި ގާނޫނުގެ 10 ވަނަ މާއްދާގައި ބަޔާންކުރާ މަނާކަމެއް ކޮށްފި ފަރާތެއް 10,000 (ދިހަހާސް) ރުފިޔާއާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.

 

ހަތަރުވަނަ ބާބު

ވަކި ބާވަތެއްގެ ވިޔަފާރީގެ ހަރަކާތްތައް އިސްތިސްނާވުން

 

13 ވަނަ މާއްދާ - އިސްތިސްނާކުރުން         

(ހ) ވަކި މާކެޓެއްގައި ވިޔަފާރިއެއް ހަރަކާތްތެރިވާ ގޮތަށާއި، ޢާންމު އިގްތިސާދީ މަސްލަހަތު ހިމެނޭ ހިދުމަތެއް ފޯރުކޮށްދިނުމުގައި އެ ވިޔަފާރިއެއް ހަރަކާތްތެރިވާ މިންވަރަށް ރިޢާޔަތްކޮށް، ވަކި ބާވަތްތަކެއްގެ ވިޔަފާރިތައް މި ގާނޫނުގެ 5 ވަނަ މާއްދާއާއި 10 ވަނަ މާއްދާއިން އިސްތިސްނާކުރުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އިސްތިސްނާދިނުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދު މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީން ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިޢުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ވަކި ބާވަތެއްގެ ވިޔަފާރިތައް އިސްތިސްނާކުރުމަށް މިނިސްޓަރު ނިންމާ ނިންމުން ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިޢުކުރަންވާނެއެވެ.

 

14 ވަނަ މާއްދާ - މަރޖަރއެއް ހެދުމަށްޓަކައި ވާ އެއްބަސްވުންތައް އިސްތިސްނާވުން      

އެއް ވިޔަފާރިއެއް އަނެއް ވިޔަފާރިއަކާ މަރޖަރއެއް ހެދުމަށްޓަކައިވާ އެއްބަސްވުންތައް މި ގާނޫނުގެ 5 ވަނަ މާއްދާއާއި 10 ވަނަ މާއްދާއިން އިސްތިސްނާވެގެންވެއެވެ.

 

ފަސްވަނަ ބާބު

މަރޖަރއާބެހޭ އުސޫލު

 

 

15 ވަނަ މާއްދާ - މަރޖަރ         

(ހ) މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މަރޖަރއެއް ހެދުމުގެ ސަބަބުން ދިވެހިރާއްޖޭގައި މުދަލާއި ހިދުމަތް ފޯރުކޮށްދިނުމުގެ އެއްވެސް މާކެޓެއްގައި އޮންނަ ވިޔަފާރީގެ ވާދަވެރިކަން އާދަޔާ ހިލާފަށް ދަށްވެގެންދާނަމަ، ނުވަތަ މާކެޓުގައި އޮންނަ ވިޔަފާރީގެ ވާދަވެރިކަމަށް ނުފޫޒުފޯރުވުމުގެ ފުރުސަތު ފުޅާވެގެންދާނަމަ އެފަދަ މަރޖަރއެއް ހެދުމަކީ    މި ގާނޫނުގެ ދަށުން މަނާކަމެކެވެ.

(ށ) މި މާއްދާގެ ބޭނުމަށްޓަކައި، މަރޖަރއެއްކަމުގައި އަންނަނިވި ކަންކަން ބެލޭނެއެވެ.

  1. ވަކި ގާނޫނީ ށަހްސުންގެ ގޮތުގައި އޮތް ވިޔަފާރި ހިންގާ ދެ ފަރާތެއް ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކެއް އެއްވުން ނުވަތަ މަރޖްވުން؛
  2. އެކަކު ނުވަތަ އެއަށްވުރެ ގިނަ މީހުން ވެގެން ނުވަތަ ވިޔަފާރި ހިންގާ ފަރާތްތަކެއް ވެގެން، ވިޔަފާރި ހިންގާ އެހެން ފަރާތެއްގެ ނުވަތަ ވިޔަފާރި ހިންގާ އެހެން ފަރާތްތަކެއްގެ މުޅި ޖުމްލަ ނުވަތަ އެއިން ބައެއްގެ ކޮންޓްރޯލް ސީދާކޮށް ނުވަތަ ނުސީދާކޮށް ހާސިލުކުރުން؛
  3. ވިޔަފާރި ހިންގާ އެއް ފަރާތުން ވިޔަފާރި ހިންގާ އަނެއް ފަރާތުގެ ގުޑްވިލް ހިމެނޭނެހެން އެފަރާތުގެ މުދާ، ނުވަތަ މުދަލުން ބޮޑު ބައެއް ހާސިލުކުރުމުގެ ނަތީޖާއަކީ، އެފަދަ މުދަލެއް ހާސިލުކުރި ފަރާތަށް، މުދާ ވިއްކާލި ފަރާތުން ހިންގަމުންދިޔަ ވިޔަފާރި، އެފަރާތުގެ ބަދަލުގައި ހިންގުމުގެ ބާރު ލިބިގެންދިޔުން.

(ނ) މި މާއްދާގެ ބޭނުމަށްޓަކައި، އެއްވެސް މީހަކަށް ނުވަތަ ވިޔަފާރި ހިންގާ ފަރާތަކަށް ލިބިފައިވާ ހައްގުތަކުގެ ސަބަބުން ނުވަތަ ވެފައިވާ އެއްބަސްވުމެއްގެ ނުވަތަ އެނޫންވެސް ކަމެއްގެ ސަބަބުން ނުވަތަ ބުނެވިދިޔަ ކަންކަމުގެ ތެރެއިން ބައެއް ކަންކަމުގެ ސަބަބުން ނުވަތަ އެ ހުރިހާ ކަމެއްގެ ސަބަބުން އެހެން ފަރާތެއްގެ ވިޔަފާރީގެ ހަރަކާތްތަކަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނުފޫޒުފޯރުވޭނެ މަގާމެއް ލިބިފައިވާނަމަ، އެފަދަ މީހެއްގެ ނުވަތަ ވިޔަފާރި ހިންގާ ފަރާތެއްގެ ކޮންޓްރޯލް އެހެން ފަރާތެއްގެ މައްޗަށް އޮތްކަމަށް ބެލޭނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ބޭނުމަށްޓަކައި، އެއްވެސް މީހަކާ ގުޅުމުގެ ސަބަބުން ނުވަތަ ވިޔަފާރި ހިންގާ ފަރާތަކާ ގުޅުމުގެ ސަބަބުން އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، އެފަރާތެއްގެ ކޮންޓްރޯލް އޮތްކަމަށް ބެލޭނެއެވެ.

  1.  ވިޔަފާރި ހިންގާ ފަރާތެއްގެ މުދަލުގެ މިލްކުވެރިކަން ލިބިފައިވުން ނުވަތަ މުދާ ބޭނުންކުރުމުގެ ހައްގު ލިބިފައިވުން ނުވަތަ މުދަލުން ބައެއް ބޭނުންކުރުމުގެ ހައްގު ލިބިފައިވުން؛ ނުވަތަ
  2. ވިޔަފާރި ހިންގާ ފަރާތެއްގެ ބޯޑު އެކުލަވާލުމުގައި ނުވަތަ ކަންކަމުގައި ވޯޓު ދިނުމުގައި ނުވަތަ ނިންމުންތައް ނިންމުމުގައި ސީދާގޮތުން ނުވަތަ ނުސީދާގޮތުންވިޔަސް ނުފޫޒުފޯރުވޭނެފަދަ މަގާމެއް ލިބިދޭ ހައްގުތަކެއް ލިބިފައިވުން ނުވަތަ އެފަދަ މަގާމެއް ލިބިދޭ އެއްބަސްވުމެއް އޮތުން.

(ބ) އަންނަނިވި ކަންކަން ފުރިހަމަވާ ޖޮއިންޓް ވެންޗަރތައް މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މަރޖަރގެ މާނައިގެ ތެރޭގައި ހިމެނެއެވެ.

  1. ދިގުދެމިގެންދާ ގޮތަކަށް އެކުގައި މަސައްކަތްކުރުމަށްޓަކައި ހަދާ ޖޮއިންޓް ވެންޗަރ؛ އަދި
  2. މިނިވަންކަމާއެކު ހިންގާ ވިޔަފާރިއެއްގައި އަދާކުރަންޖެހޭ އެންމެހައި ޒިންމާތައް އެ ޖޮއިންޓް ވެންޗަރއެއްގެ ޢާންމު ހިންގުމުގެ ތެރޭގައި އަދާކުރަންޖެހުން.

(ޅ) މި މާއްދާގެ (ނ) އަދި (ރ) ގެ ބޭނުމަށްޓަކައި، މީހަކަށް ނުވަތަ ވިޔަފާރި ހިންގާ ފަރާތަކަށް ނުފުޒޫފޯރުވޭނެ މަގާމެއް ލިބިފައިވޭތޯ ބަލާއިރު، އެފަރާތަކަށް ލިބިފައިވާ ހައްގުތަކާއި، އެފަރާތަކުން ވެފައިވާ އެއްބަސްވުމެއްގެ މައްޗަށް ބެލުމުގެ އިތުރުން، އެކަންކަމުގެ ސަބަބުން ވަށައިގެންވާ ހުރިހާ ކަމަކަށް އަސަރުކުރާ މިންވަރަށާއި ހާލަތަށް ބަލަންވާނެއެވެ.

 

16 ވަނަ މާއްދާ - މަރޖަރއެއްކަމުގައި ނުބެލެވޭނެ ކަންކަން       

ތިރީގައި އެވަނީ، މި ގާނޫނުގެ ދަށުން މަރޖަރއެއްކަމުގައި ނުބެލެވޭނެ ހާލަތްތަކެވެ.

(ހ) ވިޔަފާރި އުވާލަންޖެހުމުގެ ސަބަބުން އެ ވިޔަފާރިއެއް ހިންގާ ފަރާތުގެ ކޮންޓްރޯލް ލިކުއިޑޭޓަރަކާ ނުވަތަ އެފަދަ މަސްއޫލިއްޔަތެއް އަދާކުރުމަށްޓަކައި އެހެންވެސް ފަރާތަކާ ހަވާލުކުރުން؛ ނުވަތަ

(ށ) މަރޖަރއެއްގައި ބައިވެރިވާ ފަރާތްތަކަކީ، ސީދާގޮތުން ނުވަތަ ނުސީދާގޮތުންވެސް ވަކި އެއް ފަރާތެއްގެ ކޮންޓްރޯލްގައިވާ ފަރާތްތަކަކަށްވުން؛

(ނ) ވަސިއްޔަތުން ނުވަތަ ހިބައިން މީހެއްގެ މުދަލެއް ލިބުމުގެ ސަބަބުން ނުވަތަ ވާރުތަ މުދާ ބެހުމުގެ ސަބަބުން ވިޔަފާރިއެއްގެ ކޮންޓްރޯލް މީހަކަށް ލިބޭ ލިބުން.

 

17 ވަނަ މާއްދާ - ސަރުކާރު ކުންފުނިތަކުގެ މެދުގައިވާ މަރޖަރ އިސްތިސްނާވުން       

ސަރުކާރު ކުންފުނިތަކުގެ ތެރެއިން 2 (ދޭއް) ކުންފުންޏެއްގެ މެދުގައި މަރޖަރއެއް ހެދުމަށް ސަރުކާރުން ނިންމާ ހާލަތުގައި، މި ގާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލުން އެފަދަ މަރޖަރއެއް އިސްތިސްނާވެގެންވެއެވެ.

18 ވަނަ މާއްދާ - އިސްތިސްނާކޮށްފައިވާ ވިޔަފާރީގެ ހަރަކާތްތައް ހިންގާ ފަރާތްތަކުގެ މެދުގައިވާ މަރޖަރ އިސްތިސްނާވުން

މި ގާނޫނުގެ 13 ވަނަ މާއްދާގެ ދަށުން އިސްތިސްނާކޮށްފައިވާ ވިޔަފާރީގެ ހަރަކާތްތައް ހިންގާ ދެ ފަރާތެއް ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކެއްގެ މެދުގައިވާ މަރޖަރއަކަށް  މި ގާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލެއް ނުހިނގާނެއެވެ.

 

19 ވަނަ މާއްދާ - ލިބިގެންދާނެ އިގްތިސާދީ ފަސޭހަތަކަކަށް ބަލައި އިސްތިސްނާކުރުން     

(ހ) މަރޖަރއެއް ހެދުމުގެ ސަބަބުން ވަކި މާކެޓެއްގައި އޮންނަ ވިޔަފާރީގެ ވާދަވެރިކަން އާދަޔާ ހިލާފަށް ދަށްވެގެންދިޔުމުގެ ސަބަބުން ނުވަތަ ކުރިމަތިވާނެ ނޭދެވޭ އަސަރުތަކަށްވުރެ އެ މަރޖަރއެއް ހެދުމުގެ ސަބަބުން ފާޅުކަން ބޮޑު ގޮތެއްގައި އިގްތިސާދީ ފަސޭހަތަކެއް ލިބިގެންދާނެކަމަށް ބެލެވޭނަމަ، އެފަދަ މަރޖަރއެއް މި ގާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލުން އިސްތިސްނާކުރުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުޠު ފުރިހަމަވާ މަރޖަރއަކަށް އިސްތިސްނާ ހޯދުމަށް އެދި އެ މަރޖަރގައި ބައިވެރިވާ ފަރާތަކުން މިނިސްޓަރަށް ހުށަހެޅިދާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން މަރޖަރއަކަށް އިސްތިސްނާއެއް ދިނުމަށް މިނިސްޓަރު ނިންމާ ނިންމުމެއްގައި، އެފަދަ އިސްތިސްނާއެއް ދިނުމުގެ ސަބަބުން ފާޅުކަން ބޮޑުގޮތެއްގައި އިގްތިސާދީ ފަސޭހަތަކެއް ލިބިގެންދާނެކަމަށް ފެންނަ ސަބަބުތައް ބަޔާންކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އިސްތިސްނާ ދިނުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދު މިނިސްޓްރީން ހަދައި، މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިޢުކުރަންވާނެއެވެ.

 

20 ވަނަ މާއްދާ - މިންގަނޑު ކަނޑައެޅުން      

(ހ) މި ގާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގެ ދަށުން މަރޖަރއެއް ހެދުމުގެ ސަބަބުން ވިޔަފާރީގެ ދާއިރާގެ ވާދަވެރިކަން އާދަޔާ ހިލާފަށް ދަށްވެގެންދާކަން ނުވަތަ މާކެޓަށް ނުފޫޒުފޯރުވުމުގެ ފުރުސަތު ފުޅާވެގެންދާކަން ކަނޑައެޅުމުގައި ބަލާނެ މިންގަނޑެއް މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީން އެކުލަވާލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މިންގަނޑަކީ، ވިޔަފާރީގެ ދާއިރާގައި އެއިރެއްގައި އޮންނަ ހާލަތަކަށް ބަލައި ކަނޑައަޅަންވާނެ މިންގަނޑެކެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މިންގަނޑު މިނިސްޓްރީން އެކުލަވާލައި، ޢާންމުކޮށް ށާއިޢުކުރަންވާނެއެވެ.

21 ވަނަ މާއްދާ - އިންތިގާލީ މުއްދަތު       

މި ބާބުގައި ބަޔާންކޮށްފައިވާ އުސޫލުތައް ހިނގަން ފަށާނީ، މި ގާނޫނަށް އަމަލުކުރަން ފަށާތާ 12 (ބާރަ) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

 

22 ވަނަ މާއްދާ - ފިޔަވަޅު އެޅުން     

މި ގާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގައި މަނާކޮށްފައިވާ މަރޖަރއެއް ހަދާ ފަރާތްތަކާމެދު އަންނަނިވި ފިޔަވަޅުތައް އެޅުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.

(ހ) މަރޖަރ ހެދުމަށްޓަކައި ވެފައިވާ އެއްބަސްވުން އިސްލާހުކުރަން އެންގުން؛ އަދި

(ށ)   10,000 (ދިހަހާސް) ރުފިޔާއާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.

 

23 ވަނަ މާއްދާ - ރަޖިސްޓްރާރ އޮފް ބިޒްނަސަސްއަށް ލިބިގެންވާ ބާރު      

(ހ) މި ގާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގައި މަނާކޮށްފައިވާ މަރޖަރއެއް ހެދުމުގެ ސަބަބުން އެ މަރޖަރގައި ހިމެނޭ ފަރާތްތަކެއްގެ މެދުގައި މުދަލުގެ މިލްކުވެރިކަން ނުވަތަ މުދަލުން ބައެއްގެ މިލްކުވެރިކަން ބަދަލުވެގެންދާނަމަ، އަދި މި ގާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރު އަންގާ އެންގުމަކާ އެއްގޮތަށް އެފަދަ މަރޖަރއެއްގައި ހިމެނޭ ފަރާތްތަކުން އަމަލުނުކުރާހާ ހިނދަކު، މިލްކުވެރިކަން ބަދަލުކުރުމަށްޓަކައި ކަމާބެހޭ ގާނޫނުތަކުން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތަކުގެ ތެރެއިން ރަޖިސްޓްރާރ އޮފް ބިޒްނަސަސްގެ އިހްތިސާސްގެ ދަށުގައިވާ ކަންކަން ކުރިއަށް ނުގެންދިޔުމުގެ ބާރު ރަޖިސްޓްރާރ އޮފް ބިޒްނަސަސްއަށް ލިބިގެންވެއެވެ.

(ށ)   މި މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓްރާރ އޮފް ބިޒްނަސަސްއަށް ލިބިދޭ އިހްތިޔާރު ބޭނުންކުރުމުގައި ރިޢާޔަތްކުރާނެ ކަންކަން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

ހަވަނަ ބާބު

ގާނޫނު ހިންގުން

 

24 ވަނަ މާއްދާ - އިސް ޒިންމާ އޮތް ފަރާތް     

(ހ) ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި، ދެމެހެއްޓުމާ ގުޅޭގޮތުން މި ގާނޫނުގައި ބަޔާންވެގެންވާ ކަންކަން ހިންގުމާއި ތަންފީޒުކުރުމުގެ އެންމެ އިސް ޒިންމާ އުފުލާނީ މިނިސްޓަރެވެ.

(ށ) މި ގާނޫނުގައި ބަޔާންވެގެންވާ ކަންކަން ހިންގުމަށްޓަކައި، ސީދާގޮތުން ބޭނުންވާ އެންމެހައި ބާރުތަކާއި، ފުރިހަމަގޮތުގައި އެކަންކަން ކުރުމަށް މަގުފަހިކޮށްދޭ އެންމެހައި ބާރުތައް، މި ގާނޫނުގެ ދަށުން މިނިސްޓަރަށް ލިބިގެންވެއެވެ.

 

25 ވަނަ މާއްދާ - މިނިސްޓްރީގެ މަސްއޫލިއްޔަތުތަކާއި ބާރުތައް     

(ހ) މި ގާނޫނުގެ ދަށުން މިނިސްޓްރީން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ތިރީގައި އެވަނީއެވެ.

  1. މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގުން؛
  2. ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައިގެން ވިޔަފާރީގެ އާ ގޮތްތަކާއި، އާ ވިސްނުންތަކާއި އާ އުފެއްދުންތަކާއި ހިދުމަތްތައް ތަޢާރުފުކުރުމަށް ހިތްވަރުދީ، މުދާ ގަތުމާއި ހިދުމަތް ހޯދުމުގައި ޢާންމުންނަށް އޮންނަ އިހްތިޔާރާއި ފުރުސަތުތައް އިތުރަށް ހުޅުވާލުމަށްޓަކައި އެކުލަވާލަންޖެހޭ ސިޔާސަތުތައް އެކުލަވާލުން؛
  3. އެކި މާކެޓްތަކުގައި ވިޔަފާރީގެ ދާއިރާގެ ވާދަވެރިކަން އޮތް މިންވަރު ބަލައި ދިރާސާކުރުން؛
  4. ވިޔަފާރީގެ ވާދަވެރިކަމަށް ހުރަސްއަޅާގޮތަށް ވާ އެއްބަސްވުންތަކާއި ހިންގާ އަމަލުތަކާ ގުޅޭގޮތުން މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ހިންގައި ބެލެހެއްޓުން؛
  5. ވިޔަފާރީގެ ވާދަވެރިކަމަށް ހުރަސްއަޅާގޮތަށް ވާ އެއްބަސްވުންތަކާއި ހިންގާ ވިޔަފާރީގެ އަމަލުތައް ހުއްޓުވުން؛
  6. ވަކި މާކެޓެއްގައި ނުފޫޒުފޯރުވޭ މަގާމެއް ލިބިފައިވާ ވިޔަފާރި ހިންގާ ފަރާތަކުން ވިޔަފާރީގެ ދާއިރާގެ ވާދަވެރިކަމަށް ހުރަސްއެޅުމުގެގޮތުން އެ މަގާމުގެ ނަހަމަ ބޭނުންކޮށްގެން ކުރާ އަމަލުތަކާ ގުޅޭގޮތުން މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ހިންގައި ބެލެހެއްޓުން؛
  7. ވަކި މާކެޓެއްގައި ނުފޫޒުފޯރުވޭ މަގާމެއް ލިބިފައިވާ ވިޔަފާރި ހިންގާ ފަރާތަކުން ވިޔަފާރީގެ ދާއިރާގެ ވާދަވެރިކަމަށް ހުރަސްއެޅުމުގެގޮތުން އެ މަގާމުގެ ނަހަމަ ބޭނުންކޮށްގެން ކުރާ އަމަލުތައް ހުއްޓުވުން؛
  8. މި ގާނޫނުގައި ބަޔާންކޮށްފައިވާ މަރޖަރއާބެހޭ ކަންކަން ހިންގައި ބެލެހެއްޓުމާއި، މި ގާނޫނުގެ ދަށުން މަނާކޮށްފައިވާ މަރޖަރތައް ހުއްޓުވުން؛
  9. މި ގާނޫނުގެ ދަށުން އިސްތިސްނާދިނުމުގެ ބާރު މިނިސްޓަރަށް ލިބިދީފައިވާ ކަންކަމުގައި އިސްތިސްނާދިނުމާބެހޭ ކަންކަން މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހިންގައި ބެލެހެއްޓުން؛
  10. މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ފިޔަވަޅު އެޅުން؛
  11. މި ގާނޫނުގެ ދަށުން މަނާކޮށްފައިވާ އެއްބަސްވުންތަކާއި އަމަލުތަކާ ގުޅޭގޮތުން މިނިސްޓްރީއަށް ހުށަހަޅާ ށަކުވާތައް ބަލައި، ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާމެދު މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ފިޔަވަޅު އެޅުން؛
  12. މި ގާނޫނުގެ ދަށުން މިނިސްޓްރީން ފިޔަވަޅުއަޅާ ހާލަތެއްގައި، އެ ފިޔަވަޅެއް ރައްދުވި ފަރާތަކާއި، އެފަރާތެއްގެ މައްޗަށް އެޅި ފިޔަވަޅު ޢާންމުކުރުން؛
  13. މި ގާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަގްސަދުތައް ހާސިލުކުރުމުގެގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން؛ އަދި
  14. ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމަށްޓަކައި ވިޔަފާރި ހިންގާ ފަރާތްތަކާއި ޢާންމުން ހޭލުންތެރިކުރުވުން.

 (ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި މި ގާނޫނުގެ ދަށުން މިނިސްޓްރީއަށް ލިބިގެންވާ ބާރުތައް ތިރީގައި އެވަނީއެވެ.

  1. މި ގާނޫނާ ހިލާފުވާ ފަރާތްތަކާބެހޭ މައްސަލަ ބެލުމާއި ފިޔަވަޅު އެޅުން؛
  2. މިނިސްޓްރީން ބަލަމުންދާ މައްސަލައެއްގައި ގޮތެއް ނިންމުމަށްޓަކައި ބޭނުންވާ ލިޔެކިޔުން ފޯރުކޮށްދިނުމަށް އެ މައްސަލައެއް ރައްދުވާ ފަރާތަކަށް އެންގުން؛
  3. އެއްވެސް ފަރާތަކުން މި ގާނޫނާ ހިލާފަށް އަމަލުކުރާކަމަށް ބުނެ ނުވަތަ އެފަދަ ހިލާފުވުމެއްގެ ސަބަބުން ގެއްލުންވާކަމަށް ބުނެ މިނިސްޓްރީއަށް ހުށަހަޅާ ށަކުވާތައް ބަލައި، ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އެޅުން؛
  4. މި ގާނޫނު ތަންފީޒުކުރުމަށްޓަކައި މިނިސްޓްރީން އަންގަންޖެހޭ އެންގުންތައް އެންގުން؛ އަދި
  5. މި ގާނޫނުގެ ދަށުން މަނާކޮށްފައިވާފަދަ އެއްބަސްވުމެއް ނުވަތަ ވިޔަފާރީގެ އަމަލެއް ހުއްޓުވުމަށް އަންގައި، އެފަދަ އެންގުމަކާ އެއްގޮތަށް އަމަލުނުކުރާ ފަރާތްތަކުން ވެފައިވާ އެއްބަސްވުމެއް ބާޠިލުކުރުމަށް ނުވަތަ ވިޔަފާރީގެ އަމަލު ހުއްޓުވުމަށް އެދި ކޯޓަށް މައްސަލަ ހުށަހެޅުން.

 

26 ވަނަ މާއްދާ - މިނިސްޓްރީގެ އަމިއްލަ އިސްނެގުމުގައި މައްސަލަ ބެލުން     

(ހ) މި ގާނޫނާ ހިލާފަށް އެއްވެސް ފަރާތަކުން އަމަލުކުރަމުންދާކަމަށް ބެލެވޭނަމަ، އެ މައްސަލައެއް މިނިސްޓްރީގެ އަމިއްލަ އިސްނެގުމުގައި ބެލުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ށ)   މި މާއްދާގެ (ހ) ގެ ދަށުން މައްސަލަ ބެލުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދު މިނިސްޓްރީން ހަދައި، މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިޢުކުރަންވާނެއެވެ.

 

27 ވަނަ މާއްދާ - ށަކުވާ ހުށަހެޅުން        

(ހ) މި ގާނޫނާ ހިލާފުވާ ފަރާތްތަކާމެދު ޢާންމުންނަށް ނުވަތަ ވިޔަފާރި ހިންގާ ފަރާތްތަކަށް ށަކުވާ ހުށަހެޅޭނެ ނިޒާމެއް މިނިސްޓްރީން ގާއިމުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ށަކުވާ ހުށަހެޅުމާއި، މިނިސްޓްރީއަށް ހުށަހަޅާ ށަކުވާތަކާ ގުޅޭގޮތުން އަމަލުކުރާނެގޮތުގެ ގަވާއިދު މިނިސްޓްރީން ހަދައި، މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިޢުކުރަންވާނެއެވެ. އަދި މި މާއްދާގެ ދަށުން ހުށަހަޅާ ށަކުވާތައް މިނިސްޓްރީން ބަލައި ނިންމާނެ މުއްދަތު އެ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

28 ވަނަ މާއްދާ - މައްސަލަ ބެލުމުގައި ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް      

މިނިސްޓްރީގެ އަމިއްލަ އިސްނެގުމުގެ ދަށުން ބަލާ މައްސަލަތައް ބެލުމުގައާއި މިނިސްޓްރީއަށް ހުށަހަޅާ ށަކުވާއެއްގެ ސަބަބުން މިނިސްޓްރީން ބަލާ މައްސަލަތައް ބެލުމުގައި އަންނަނިވި އިޖުރާއަތުތައް ފުރިހަމަކުރަންވާނެއެވެ.

(ހ) މައްސަލައެއް ނުވަތަ ށަކުވާއެއް ހުށަހެޅި ފަރާތަށް އެ މައްސަލައެއް ނުވަތަ ށަކުވާއެއް މިނިސްޓްރީގައި ރަޖިސްޓަރީކުރެވުނުކަން ލިޔުމުން އެންގުން؛

(ށ) މައްސަލަ ރައްދުވާ ފަރާތަށް މައްސަލައިގައި ޖަވާބުދާރީވުމުގެ ފުރުސަތު ދިނުން؛ އަދި

(ނ) މައްސަލަ ބަލައި ނިމުމުން، މިނިސްޓްރީން ނިންމިގޮތް މައްސަލަ ހުށަހެޅި ފަރާތަށާއި މައްސަލަ ރައްދުވި ފަރާތަށް ލިޔުމުން އެންގުން.

 

29 ވަނަ މާއްދާ - މައްސަލަ އިސްތިޢުނާފުކުރުން

މި ގާނޫނުގެ ދަށުން މިނިސްޓްރީއަށް ހުށަހަޅާ މައްސަލައެއް މިނިސްޓްރީން ނިންމާފައިވަނީ މި ގާނޫނާއި، މި ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދަކާ ހިލާފުވާ ގޮތަކަށްނަމަ، ނުވަތަ މިނިސްޓްރީއަށް ލިބިގެންނުވާ ބާރެއް ބޭނުންކޮށްގެންނަމަ، ރަސްމީ ބަންދު ދުވަސްތައް ނުހިމެނޭގޮތުން އެ މައްސަލައެއް ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ ނިންމުން އިސްތިޢުނާފުކުރުމަށްޓަކައި ކޯޓަށް ހުށަހެޅުމުގެ އިހްތިޔާރު، މައްސަލަ ހުށަހެޅި ފަރާތަށް، ނުވަތަ މައްސަލައިގެ ކޮންމެ ބައިވެރިއަކަށް، ނުވަތަ މައްސަލަ ނިންމިގޮތުގެ ސަބަބުން އަސަރުކޮށްފާނެ ކޮންމެ ފަރާތަކަށް ލިބިގެންވެއެވެ.

 

30 ވަނަ މާއްދާ - ބަދަލު ހޯދުމަށް އެދި ދަޢުވާކުރުމުގެ ހައްގު      

މި ގާނޫނުގެ ދަށުން މަނާކޮށްފައިވާ ކަމެއް ކުރުމުގެ ސަބަބުން ސީދާ ގެއްލުމެއް ލިބިފައިވާ ފަރާތަކަށް، އެފަރާތަކަށް ލިބުނު ސީދާ ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ކޯޓުގައި ދަޢުވާކުރުމުގެ ހައްގު ލިބިގެންވެއެވެ.

 

ހަތްވަނަ ބާބު

ޢާންމު މާއްދާތައް

 

31 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން       

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިޢުކުރާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

 

32 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން      

(ހ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި، ހިންގާނީ މިނިސްޓްރީންނެވެ.

(ށ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް މިނިސްޓްރީން ހަދައި، މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިޢުކުރަންވާނެއެވެ.

 

33 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން      

މި ގާނޫނުގެ ދަށުން މިނިސްޓްރީއަށް ލިބޭ އަންނަނިވި މަޢުލޫމާތުތަކުގެ ސިއްރު ހިފެހެއްޓުމަށްޓަކައި އެކަށީގެންވާ ފިޔަވަޅުތައް އަޅަންވާނެއެވެ.

(ހ) މި ގާނޫނުގެ ދަށުން ވިޔަފާރި ހިންގާ ފަރާތްތަކުން ހުށަހަޅާފައިވާ އެ ފަރާތްތަކުގެ ވިޔަފާރިއާބެހޭ މަޢުލޫމާތުތަކާއި، މި ގާނޫނު ތަންފީޒުކުރާ އިދާރާއިން ކުރާ ތަހްގީގުތަކަށް ލިބިފައިވާ މަޢުލޫމާތުތަކުގެ ތެރެއިން ވިޔަފާރީގެ ސިއްރުގެގޮތުގައި ބެލެވޭ އެންމެހައި މަޢުލޫމާތު؛ އަދި

(ށ) މި ގާނޫނާ ހިލާފަށް ހިންގާ ހަރަކާތްތައް ރިޕޯޓުކުރާ ފަރާތްތަކާއި، މިނިސްޓްރީން ކުރާ ތަހްގީގުތަކަށް މަޢުލޫމާތުދޭ ފަރާތްތަކުގެ ޒާތީ މަޢުލޫމާތު.

 

34 ވަނަ މާއްދާ - މާނަކުރުން       

މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، އަންނަނިވި ޢިބާރާތްތަކާއި ލަފްޒުތަކަށް ދީފައި އެވަނީ، އެ ޢިބާރާތްތަކާއި ލަފްޒުތަކާ ގުޅިގެން ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ވިޔަފާރި" އެއް ކަމަށް ބުނެފައި އެވަނީ، މުދަލަކާ ގުޅިގެން ނުވަތަ ހިދުމަތަކާ ގުޅިގެން ވިޔަފާރީގެ އެއްވެސް ހަރަކާތެއް ނުވަތަ ހަރަކާތްތަކެއް ހިންގާ ކޮންމެ ފަރާތަކަށެވެ.

(ށ) "މުދާ" ކަމަށް ބުނެފައި އެވަނީ، މާއްދީ މުދަލަށާއި، ފިކުރީ މުދާ ހިމެނޭގޮތުން ގައިރު މާއްދީ މުދަލަށާއި، އުފުލޭ މުދަލަށާއި ނުއުފުލޭ މުދަލަށެވެ.

(ނ) "ވިޔަފާރި ހިންގާ ފަރާތް" ނުވަތަ "ވިޔަފާރި ތަން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1996-10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ ދަށުން ހިންގާ ކުންފުނިތަކަށާއި، ގާނޫނު ނަންބަރު 2007-03 (ކޯޕަރޭޓިވް ސޮސައިޓީގެ ގާނޫނު) ގެ ދަށުން ހިންގާ ކޯޕަރޭޓިވް ސޮސައިޓީތަކަށާއި، ގާނޫނު ނަންބަރު 13/2011 (ޕާޓްނަރށިޕްގެ ގާނޫނު) ގެ ދަށުން ހިންގާ ޕާޓްނަރށިޕްތަކަށާއި، ގާނޫނު ނަންބަރު 2014-19  (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު) ގެ ދަށުން ހިންގާ އަމިއްލަ ވިޔަފާރިތަކަށެވެ.

(ރ) "ވިޔަފާރީގެ އަމަލުތައް" ކަމަށް ބުނެފައި އެވަނީ، ވިޔަފާރީގެ އެކި އެރޭންޖްމަންޓުތަކަށާއި ޕްރެކްޓިސްތަކަށެވެ.

(ބ) "މާކެޓު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި މުދަލަކަށް އޮންނަ ބާޒާރަކަށެވެ.

(ޅ) "ސަރުކާރު ކުންފުނި" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1996-10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ 95 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން އުފައްދާ ކުންފުންޏަށެވެ.

(ކ) "ފޯރުކޮށްދިނުން" ކަމަށް ބުނެފައި އެވަނީ، ވިއްކުމަކުން ނުވަތަ ބަދަލު ކުރުމަކުން ނުވަތަ ކުއްޔަށްދިނުމަކުން ނުވަތަ ފަހުން އަގުދޭގޮތަށް މާކެޓަށް މުދަލެއް ނުވަތަ ހިދުމަތެއް ވާސިލުކޮށްދޭ ކޮށްދިނުމަށެވެ.

(އ) "އަގު" ކަމަށް ބުނެފައި އެވަނީ، މުދަލެއްގެ ނުވަތަ ހިދުމަތެއްގެ މުގާބިލުގައި ދޭ ކޮންމެ އެއްޗަކަށެވެ.

(ވ) "ކުންފުނިތަކުގެ ގްރޫޕް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-03 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ 86 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާފަދަ ހޯލްޑިންގ ކުންފުންޏާއި ސަބްސިޑިއަރީ ކުންފުނިތައް ހިމެނޭ ގްރޫޕަކަށެވެ.

(މ) "ޖޮއިންޓް ވެންޗަރ" ކަމަށް ބުނެފައި އެވަނީ، ވިޔަފާރި ހިންގާ ދެ ފަރާތެއްގެ މެދުގައިވާ އެއްބަސްވުމެއްގެ ދަށުން ވަކި ވިޔަފާރިއެއް ހިންގުމުގެ ބޭނުމަށް ހާއްސަކޮށްގެން އުފައްދާ ވިޔަފާރި ތަނަކަށެވެ.

(ފ) "ރަޖިސްޓްރާރ އޮފް ބިޒްނަސަސް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2014-18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު) ގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތަށެވެ.

(ދ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، އިގްތިސާދީ ސިޔާސަތުތައް ތަންފީޒުކުރުމަށް ކަނޑައަޅާފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.

(ތ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އިގްތިސާދީ ސިޔާސަތުތައް ތަންފީޒުކުރުމަށް ކަނޑައަޅާފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ލ) "ކޯޓު" ކަމަށް ބުނެފައި އެވަނީ، މާލޭގައި ނަމަ، ގާނޫނު ނަންބަރު 2010-22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގެ 53 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބުނެފައިވާ ސިވިލް ކޯޓަށެވެ. ނުވަތަ ދިވެހިރާއްޖޭގެ އެހެން ރަށެއްގައި ނަމަ، އެ ކޯޓަކަށް ލިބިފައިވާ އިހްތިސާސްއާ އެއްގޮތަށް، އެ ގާނޫނުގެ ހަތަރުވަނަ ބާބުގައި ބުނެފައިވާ މެޖިސްޓްރޭޓް ކޯޓުތަކަށެވެ.

(ގ) "މާކެޓް ނުވަތަ ކަސްޓަމަރުން އެލޮކޭޓްކުރުން" ކަމަށް ބުނެފައި އެވަނީ 2 (ދޭއް) ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކުގެ މެދުގައި މާކެޓް ނުވަތަ ކަސްޓަމަރުން ބައިކޮށް، ކޮންމެ ފަރާތަކަށްވެސް ހިދުމަތްދެވޭނެ ވަކި ބައެއް ކަނޑައެޅުމަށެވެ.

(ޏ) "ސްޕެށަލް އިކޮނޮމިކް ޒޯނުގެ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2014-24 (ސްޕެށަލް އިކޮނޮމިކް ޒޯނުގެ ގާނޫނު) އަށެވެ.

(ސ) "އާންމު އިގްތިސާދީ މަސްލަހަތު ހިމެނޭ ހިދުމަތެއް" ކަމަށް ބުނެފައި އެވަނީ، ޢާންމު ބޭނުންތަކުގެ ހިދުމަތްތައްކަމަށްވާ ކަރަންޓާއި، ފެނާއި، ނަރުދަމާއާއި ޓެލެފޯންގެ ހިދުމަތްތަކަށާއި، ރައްޔިތުންގެ ޢާންމު ބޭނުންތަކާ ގުޅިފައިވާ އަދި ރައްޔިތުންނަށް ޢާންމުކޮށް ލިބެން ހުންނަ ޓެލެކޮމިއުނިކޭށަން، ޕޯސްޓަލް ސަރވިސް، ޢާންމު ދަތުރުފަތުރު، ކުނި އުކާލުން އަދި މިފަދަ އެހެނިހެން ހިދުމަތްތައް ހިމެނޭ ގޮތުންނެވެ.

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު