-

ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލްކުރުމާބެހޭ ގާނޫނު

(ގާނޫނު ނަންބަރު 2019-21)

 

އެއްވަނަ ބާބު

އިބްތިދާއީ މާއްދާތައް

 

1 ވަނަ މާއްދާ – ތައާރުފާއި ނަން

(ހ) މިއީ، ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ދިވެހިރާއްޖޭގައި ބޭނުންކުރުމާއި، އުފެއްދުމާއި، ދިވެހިރާއްޖެއަށް އިމްޕޯޓުކުރުމާއި، އެކްސްޕޯޓުކުރުމާއި، ވިއްކުމާއި، ނައްތާލުމާބެހޭ އުސޫލުތައް ކަނޑައަޅައި، ޕެސްޓިސައިޑް ބޭނުންކުރުމުގައި އާންމު  ސިއްހަތާއި ތިމާވެއްޓަށް ގެއްލުން ލިބޭ ޢަމަލުތައް ބަލައި ފިޔަވަޅުއެޅުމާއި، ޕެސްޓިސައިޑާގުޅޭ އެނޫންވެސް އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ، "ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލްކުރުމާބެހޭ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ – ގާނޫނުގެ މަގް ސަދު

މި ގާނޫނުގެ މައިގަނޑު މަގް ސަދުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ދިވެހިރާއްޖެއަށް އިމްޕޯޓުކުރުމާއި، އެ ތަކެތި ދިވެހިރާއްޖެއިން އެކްސްޕޯޓުކުރުމާއި، ދިވެހިރާއްޖޭގައި ވިއްކުމާއި، އުފެއްދުމާއި، ބޭނުންކުރުމާއި، ބެލެހެއްޓުމާއި ނައްތާލުމާގުޅޭ އުސޫލުތައް ބަޔާންކުރުން؛

(ށ) ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެފައިވާ ޕެސްޓިސައިޑާ ގުޅުންހުރި އެންމެހައި ބައިނަލްއަގްވާމީ މުއާހަދާތަކާއި އެއްބަސްވުންތަކުގެ ދަށުން ދިވެހިރާއްޖެއިން އުފުލަންޖެހޭ ޒިންމާތައް ތަންފީޒުކުރުމާގުޅޭ އުސޫލުތައް ބަޔާންކުރުން؛

(ނ) ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް އިމްޕޯޓުކުރުމާއި، އެކްސްޕޯޓުކުރުމާއި، ޕެސްޓިސައިޑް އުފެއްދުމާއި، އަލުން ބަންދުކުރުމާއި ޕެސްޓިސައިޑް ވިއްކުމުގެ ލައިސަންސް ދިނުމާގުޅޭ އުސޫލުތައް ބަޔާންކުރުން؛

(ރ) ޕެސްޓިސައިޑް ބޭނުންކުރުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށްޓަކައި އޭގެ ބޭނުން ރަނގަޅުގޮތުގައި ހިފުމާ ގުޅޭގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމާއި މިފަދަ ކަންކަމާގުޅޭ ތަމްރީނުތައް ރޭވުން؛

(ބ) ޕެސްޓިސައިޑްގެ ސަބަބުން ދިމާވެދާނެ ނުރައްކަލުން ރައްކާތެރިކުރުމުގެ ގޮތުން ޕެސްޓިސައިޑް ގެންގުޅުމުގައި އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް ކަނޑައަޅައި ތަންފީޒުކުރުން؛

(ޅ) ގާނޫނާ ޚިލާފަށް ޕެސްޓިސައިޑް އިމްޕޯޓުކުރުމާއި، އެކްސްޕޯޓުކުރުމާއި، ވިއްކުމާއި، ބޭނުންކުރުމާއި، ނައްތާލުމާ ގުޅޭގޮތުން މައްސަލަތައް ހުށަހެޅުމާއި  އެ މައްސަލަތައް ބެލޭނެ ނިޒާމެއް ގާއިމުކުރުން؛ އަދި

(ކ) ދިވެހިރާއްޖޭގައި ޕެސްޓިސައިޑް ބޭނުންކުރާ މިންވަރު މަދުކުރުމަށާއި، ޕެސްޓިސައިޑްގެ އޮލްޓަނޭޓިވްސް (ބަޔޯޕެސްޓިސައިޑް) ބޭނުންކުރުން ކުރިއަރުވަން ބާރުއެޅުން.

 

 

ދެވަނަ ބާބު

ގާނޫނު ހިންގުން

 

3 ވަނަ މާއްދާ - ހިންގުމުގެ މަސްއޫލިއްޔަތު

މި ގާނޫނު ހިންގުމުގެ މައިގަނޑު މަސްއޫލިއްޔަތު ހަވާލުވެގެންވާ ފަރާތަކީ މިނިސްޓަރެވެ.

 

4 ވަނަ މާއްދާ - ސިޔާސަތު ކަނޑައެޅުން

މި ގާނޫނުގެ ރޫހާ އެއްގޮތްވާ ގޮތުގެމަތިން، އަދި މި ގާނޫނުގެ މަގް ސަދުތައް ހާސިލުވާނެ ގޮތުގެމަތިން، ޕެސްޓިސައިޑާގުޅޭ ސިޔާސަތު ކަނޑައެޅުމަކީ މިނިސްޓަރުގެ މަސްއޫލިއްޔަތެކެވެ.

 

5 ވަނަ މާއްދާ - ޕެސްޓިސައިޑާބެހޭ މަސައްކަތްތަކުގެ އިދާރީ އިންތިޒާމްތައް

ޕެސްޓިސައިޑާބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުމަށް ބޭނުންވާނެ އިދާރީ އިންތިޒާމް މިނިސްޓަރު ހަމަޖައްސަންވާނެއެވެ.

 

6 ވަނަ މާއްދާ – ޕެސްޓިސައިޑާބެހޭ މަސައްކަތްތައް

މި ގާނޫނުގެ ދަށުން ޕެސްޓިސައިޑާބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުމަށްޓަކައި އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް  ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ. 

(ހ) ޕެސްޓިސައިޑްގެ ސަބަބުން ދިމާވެދާނެ ނުރައްކަލަކުން ރައްކާތެރިކުރުމުގެ ގޮތުން އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް ކަނޑައަޅައި ތަންފީޒުކުރުން؛

(ށ) ޕެސްޓިސައިޑް ބޭނުންކުރުމުގެ ސަބަބުން ތިމާވެއްޓަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށްޓަކައި ޕެސްޓިސައިޑް ބޭނުންކުރުން މަނާ ސަރަހައްދުތަކާއި، ޚާއް ސަ ހާލަތްތަކެއްގައި ވަކި މިންވަރަކަށް ޕެސްޓިސައިޑް ބޭނުންކުރެވިދާނެ ސަރަހައްދުތައް ކަނޑައަޅައި އާންމުކުރުން؛

(ނ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ހުއްދަ ދީފައިވާ ޕެސްޓިސައިޑްގެ ރަޖިސްޓްރީ ބަލަހައްޓައި ށާއިއުކުރުން؛

(ރ) މި ގާނޫނުގެ ބޭނުމަށްޓަކައި ޕެސްޓިސައިޑާ ގުޅޭގޮތުން ކުރަންޖެހޭ ތަޙްލީލުތައް ސަރުކާރުން ގަބޫލުކުރާ ފެންވަރަކަށް ހިންގާ ލެބޯރޓަރީއެއް މެދުވެރިކޮށް ކުރުން؛

(ބ) ޕެސްޓިސައިޑްގެ ވިޔަފާރި މޮނިޓަރކޮށް ކަމާގުޅޭ ތަފާސްހިސާބު އެއްކޮށް އިވެލުއޭޓްކުރުން؛

(ޅ) މި ގާނޫނުގެ ދަށުން ލައިސަންސް ލިބިގެން އުފައްދާ ޕެސްޓިސައިޑްގެ ލޭބަލްތަކާއި މައުލޫމާތު ކަރުދާސްތަކުގައި ހުންނަންޖެހޭ ށަރުތުތައް ތައްޔާރުކޮށް މުރާޖައާކުރުން؛

(ކ) ޕެސްޓިސައިޑް ބޭނުންކުރާ ފަރާތްތަކުން އެ ތަކެތި ބޭނުންކުރާގޮތް މޮނިޓަރކޮށް ބެލެހެއްޓުން؛

(އ) ޕެސްޓިސައިޑްގެ މައްޗަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ ގޮތުން އިންޓަގްރޭޓެޑް ޕެސްޓް މެނޭޖްމަންޓް ކުރިއެރުވުން؛

(ވ) ޕެސްޓިސައިޑާ ގުޅުންހުރި ކަންތައްތަކާ ގުޅޭގޮތުން ޕެސްޓިސައިޑް އެތެރެކުރާ ގައުމުތަކުގެ ކަމާބެހޭ އިދާރާތަކާއި ރިސަރޗް ސެންޓަރުތަކާ ގުޅިގެން މަސައްކަތްކުރުން؛

(މ) ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެފައިވާ ޕެސްޓިސައިޑާ ގުޅުންހުރި ބައިނަލްއަގްވާމީ މުއާހަދާތަކާއި އެއްބަސްވުންތަކާއި ޕެސްޓިސައިޑާ ގުޅިގެން ދިވެހިރާއްޖެއިން އުފުލަންޖެހޭ އެހެނިހެން ޒިންމާތައް ތަންފީޒުކުރުމުގައި ދިވެހިރާއްޖޭގެ ކަމާބެހޭ  އިދާރާތަކާ ގުޅިގެން މަސައްކަތްކުރުން؛

(ފ) ނަހަމަގޮތުގައި ޕެސްޓިސައިޑް ބޭނުންކުރުމުގައި ހުރި ނުރައްކާތެރިކަމާއި އެއިން ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށްޓަކައި ޕެސްޓިސައިޑްގެ ބޭނުން ރަނގަޅުގޮތުގައި ހިފުމާ ގުޅޭގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމާއި މިފަދަ ކަންކަމާގުޅޭ ތަމްރީނުތައް ރޭވުން؛

(ދ) ޕެސްޓިސައިޑް އުފެއްދުމާއި، އެފަދަ ތަކެތި ދިވެހިރާއްޖެއަށް އިމްޕޯޓުކުރުމާއި، އެކްސްޕޯޓުކުރުމާއި، ވިއްކުމާއި، ބޭނުންކުރުމާއި ނައްތާލުމާބެހޭ ގަވާއިދުތައް ހަދައި ހިންގުން؛

(ތ) ހުއްދަ ދީފައިވާ ޕެސްޓިސައިޑްގެ ރަޖިސްޓްރީއަށް ޕެސްޓިސައިޑެއް އިތުރުކުރުމަށް ނުވަތަ އުނިކުރުމަށް އެދި ހުށަހަޅާ ހުށަހެޅުންތަކާގުޅޭ ދިރާސާތައްކޮށް،   އެ ޕެސްޓިސައިޑަކާގުޅޭ އެންމެހައި މައުލޫމާތު ހޯދުން؛

(ލ) ދިވެހިރާއްޖޭގައި ޕެސްޓިސައިޑް  އުފެއްދުމާއި، އެފަދަ ތަކެތި ދިވެހިރާއްޖެއަށް އިމްޕޯޓުކުރުމާއި ދިވެހިރާއްޖެއިން އެކްސްޕޯޓުކުރުމާއި، ބަންދުކުރުމާއި، ވިއްކުމާބެހޭ ލައިސަންސް ދޫކުރުމަށް ބޭނުންވާނެ މައުލޫމާތު ހޯދުން؛

(ގ) މި ގާނޫނުގެ މަގް ސަދުތައް ހާ ސިލުކުރުމަށް އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.

 

7 ވަނަ މާއްދާ – ޕެސްޓިސައިޑާބެހޭ ލަފާދޭ ކޮމިޓީ

(ހ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި، އަދި މި ގާނޫނުގައި ބަޔާންކޮށްފައިވާ މަގް ސަދުތައް ހާ ސިލުކުރުމަށްޓަކައި މިނިސްޓަރަށް ބޭނުންވާ ލަފަޔާއި މަށްވަރާ ދިނުމަށްޓަކައި ސަރުކާރުގެ ކަމާގުޅޭ އިދާރާތައް ހިމެނޭގޮތުން މިނިސްޓަރު ކޮމިޓީއެއް އެކުލަވާލަންވާނެއެވެ. މި ކޮމިޓީގެ ރިޔާސަތު ބަލަހައްޓާނީ މިނިސްޓަރެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮމިޓީގެ މެންބަރުންގެ ގޮތުގައި އަންނަނިވި އިދާރާތަކުގެ ތެރެއިން ކޮންމެ އިދާރާއަކުން އެންމެ މަދުވެގެން އެކަކު ހިމަނަންވާނެއެވެ.

  1. ތިމާވެއްޓާބެހޭ ސިޔާސަތުތައް އެކަށައަޅައި، ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ  ސަރުކާރުގެ ވުޒާރާ؛
  2. އެންވަޔަރަންމަންޓަލް ޕްރޮޓެކްށަން އޭޖެންސީ؛
  3. ސިއްޙީ ސިޔާސަތުތައް އެކަށައަޅައި، ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާ؛
  4. ދިފާޢީ ސިޔާސަތުތައް އެކަށައަޅައި ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާ؛ އަދި
  5. މޯލްޑިވްސް ކަސްޓަމްސް ސަރވިސް.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮމިޓީއަށް މި މާއްދާގެ (ށ) ގެ ދަށުން ޢައްޔަންކުރާ ފަރާތްތަކުގެ އިތުރުން އެހެން ފަރާތްތައް އެ ކޮމިޓީއަށް މިނިސްޓަރު ޢައްޔަންކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

 

ތިންވަނަ ބާބު

ހުއްދަ ދީފައިވާ ޕެސްޓިސައިޑްގެ ރަޖިސްޓްރީ

 

8 ވަނަ މާއްދާ – ޕެސްޓިސައިޑަށް ހުއްދަ ދިނުން

(ހ) ދިވެހިރާއްޖޭގައި ޕެސްޓިސައިޑްގެ ގޮތުގައި އުފެއްދޭނެ، ބޭނުންކުރެވޭނެ، ވިއްކޭނެ، ދިވެހިރާއްޖެއަށް އިމްޕޯޓުކުރެވޭނެ އަދި ދިވެހިރާއްޖެއިން އެކްސްޕޯޓުކުރެވޭނެ ބާވަތުގެ ޕެސްޓިސައިޑަށް ހުއްދަ ދޭނީ މި ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން މިނިސްޓަރެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ޕެސްޓިސައިޑަކަށް ހުއްދަ ދިނުމަށް އެދި، މި ގާނޫނުގެ 9 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ މައުލޫމާތާއެކު ދައުލަތުގެ އިދާރާއަކުން ނުވަތަ މި ގާނޫނުގެ ދަށުން ލައިސަންސް ލިބިފައިވާ ފަރާތަކުން މިނިސްޓްރީއަށް ހުށަހެޅިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ޕެސްޓިސައިޑަކަށް ހުއްދަ ދިނުމަށް އެދި ހުށަހަޅާ ހުށަހެޅުންތަކުގައި ފުރިހަމަވާންޖެހޭ މައުލޫމާތު ފުރިހަމަނަމަ،  އެ ޕެސްޓިސައިޑަކަށް ހުއްދަ ދިނުމާ ގުޅޭގޮތުން އެ ހުށަހެޅުމެއް ލިބޭތާ    7 (ހަތެއް) ދުވަހުގެ ތެރޭގައި މިނިސްޓަރު ގޮތެއް ނިންމައި، އެ ހުށަހެޅުން ހުށަހަޅާ ފަރާތަށް އަންގަންވާނެއެވެ.

 

9 ވަނަ މާއްދާ – ޕެސްޓިސައިޑަށް ހުއްދަ ދިނުމުގައި ބަލާނެ ކަންކަން

(ހ) ޕެސްޓިސައިޑަކަށް ހުއްދަ ދިނުމަށް އެދި، ދައުލަތުގެ އިދާރާއަކުން ނުވަތަ   މި ގާނޫނުގެ ދަށުން ލައިސަންސް ލިބިފައިވާ ފަރާތަކުން މިނިސްޓްރީއަށް އަންނަނިވި މައުލޫމާތު ހުށަހަޅަންވާނެއެވެ.

  1. އެ ޕެސްޓިސައިޑެއްގެ ސަބަބުން އިންސާނުންނަށް ނުވަތަ ޖަނަވާރުންނަށް ކުރިމަތިވެދާނެ  ސިއްޙީ ގެއްލުންތައް؛
  2. އެ ޕެސްޓިސައިޑެއްގެ ބޭނުންކޮށްގެން، ނައްތާލުމަށް އަމާޒުކުރާ ޕެސްޓްގެ ބާވަތްތައް ފިޔަވައި، ފައިދާކުރަނިވި ސޫފާސޫފިތަކަށާއި، މަސްމަހާމެއްސަށާއި ކަނޑުގެ ވެއްޓަށް ކުރާ ވިހައިގެ އަސަރު ހިމެނޭގޮތުން، ތިމާވެއްޓަށް ކުރިމަތިކޮށްފާނެ ނުރައްކާތައް؛
  3. ބިމުގެ ތެރޭގައި އެ ޕެސްޓިސައިޑެއް ފެތުރިގެންގޮސް ފެން ތަޣައްޔަރުކުރުމުގެ ފުރު ސަތު އޮތް މިންވަރު؛
  4. ޕެސްޓިސައިޑްގެ ބޭނުން ހިފުމުން ނަތީޖާ ހާ ސިލުވާނެ މިންވަރު (އެފިކެސީ)؛
  5. ޕެސްޓް ކޮންޓްރޯލްކުރުމަށް ބޭނުންވެފައިވާ މިންވަރު؛
  6. މި ގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން ށާއިއުކުރާ ހުއްދަ ދީފައިވާ ޕެސްޓިސައިޑްގެ ރަޖިސްޓްރީގައިވާ އެހެން ބާވަތްތަކާ އަޅައި ބަލާއިރު ހުއްދައަށް އެދި ހުށަހަޅާފައިވާ ޕެސްޓިސައިޑްގެ ނުރައްކާތެރިކަމުގެ މިންވަރު؛
  7. ދަނޑުވެރިކަމަށް ފައިދާ ނުވަތަ ގެއްލުން ލިބިދާނެ ގޮތާއި މިންވަރު؛
  8. ހުށަހަޅާފައިވާ ލޭބަލް ނުވަތަ އަތްމަތީ ފޮތް؛
  9. ޕެސްޓިސައިޑް ބަންދުކުރުމަށް ހުށަހަޅާފައިވާ ކޮންޓެއިނަރުތަކުގެ ތަފްސީލު، ފޮޓޯ ނުވަތަ ނަމޫނާ؛
  10. ޕާރމިޓެޑް މެކްސިމަމް ރެސިޑިއު ލެވެލްގެ އަސަރު މި ބާވަތުގެ ޕެސްޓިސައިޑްގައި ދެމިހުންނަ މިންވަރާއި، އޭގެ ސަބަބުން ކެއުމަށް ބޭނުންކުރާ ބާވަތުގެ ގަސްގަހާގެއްސާއި މޭވާއާއި ތަރުކާރީގައި ޕެސްޓިސައިޑް ރެސިޑިއުގެ އަސަރު މެކްސިމަމް ރެސިޑިއު ލެވެލްއަށްވުރެ މަތިން ހުރުމުގެ ނުރައްކާ؛
  11. ޕެސްޓިސައިޑްގައި ހުންނަންޖެހޭކަމަށް ބައިނަލްއަގްވާމީ މިންގަނޑުތަކުން ކަނޑައަޅާފައިވާ މިންގަނޑަށް އެ ޕެސްޓިސައިޑެއް ފެތޭ މިންވަރާއި އަދި އެހެން ގައުމުތަކުގައި އެބާވަތެއް ރަޖިސްޓްރީކޮށްފައިވާ މިންވަރު.

(ށ) މި ގާނޫނުގެ 8 ވަނަ މާއްދާގެ (ށ) ގެ ދަށުން ޕެސްޓިސައިޑަކަށް ހުއްދަ ދިނުމަށް އެދި މިނިސްޓްރީއަށް ހުށަހަޅާ ހުށަހެޅުމުގެ މައްޗަށް ބިނާކޮށް، މިނިސްޓަރު، އެ ޕެސްޓިސައިޑަކަށް ހުއްދަ ދޭނީ މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ މައުލޫމާތުތަކަށް ރިއާޔަތްކުރުމަށްފަހުއެވެ.

  

10 ވަނަ މާއްދާހުއްދަ ދީފައިވާ ޕެސްޓިސައިޑްގެ ރަޖިސްޓްރީ

(ހ) މި ގާނޫނުގެ 8 ވަނަ މާއްދާގެ ދަށުން، ދިވެހިރާއްޖޭގައި ޕެސްޓިސައިޑް އުފެއްދޭނެ، ބޭނުންކުރެވޭނެ، ވިއްކޭނެ އަދި ދިވެހިރާއްޖެއަށް އިމްޕޯޓުކުރުމަށާއި ދިވެހިރާއްޖެއިން އެކްސްޕޯޓުކުރުމަށް މިނިސްޓަރު ހުއްދަ ދޭ ބާވަތްތަކުގެ ޕެސްޓިސައިޑާބެހޭ ރަޖިސްޓްރީއެއް މިނިސްޓްރީން ބަލަހައްޓައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ށާއިއުކުރެވޭ ހުއްދަ ދީފައިވާ ޕެސްޓިސައިޑްގެ ރަޖިސްޓްރީގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. އާންމުކޮށް ބޭނުންކުރާ ނަން؛
  2. ސައިންޓިފިކް ނަން؛
  3. ފޯމިއުލޭށަން؛
  4. ކޮންސެންޓްރޭށަން؛
  5. ޕެސްޓިސައިޑް ބޭނުންކުރަން ހުއްދަ ދެވިފައިވާ ކަންކަން (ގަހުގެ ބާވަތް އަދި ކޮންޓްރޯލް ކުރެވޭ ބަލި، ޕެސްޓް ނުވަތަ އިންސާނުންނަށް ނުވަތަ ޖަނަވާރުންނަށް ޖެހޭ ބަލި ފަތުރާ ތަކެތި)؛
  6. ފޯމިއުލޭށަނާއި ހަރަކާތްތެރި މާއްދާއާއި ވިހައެއް ހިމެނޭނަމަ ވިހައިގެ މައުލޫމާތު؛
  7. ތަކެތީގެ ރައްކާތެރިކަމުގެ މައުލޫމާތު ކަރުދާސް؛
  8. އެ ޕެސްޓިސައިޑަކާ ގުޅިގެން ކުރެވިފައިވާ ތަޙްލީލުތަކުގެ މައުލޫމާތު؛
  9. ހުށަހަޅާފައިވާ ފޯމިއުލޭށަން ހުށަހަޅާފައިވާ ރޭޓުގައި ބޭނުންކުރުމުން ތިމާވެއްޓަށް ކުރާނެ އަސަރުތަކާބެހޭ ރިޕޯޓު؛
  10. ލޭބަލްގައި ހިމަނަންޖެހޭ މައުލޫމާތު ނުވަތަ ބާޒާރަށް ނެރޭއިރު އާންމުންނަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތު ކަރުދާހުގައި ހިމަނަންޖެހޭ ކަންކަން؛
  11. އަޅަންޖެހޭ ޚާއް ސަ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހިމެނޭގޮތުން، ޕެސްޓިސައިޑް އެކަށީގެންވާ ގޮތަކަށް ރައްކާކުރުމާއި، އެއްތަނުން އަނެއްތަނަށް ގެންދިއުމާއި، ގެންގުޅުމާއި، ބޭނުންކުރުމާގުޅޭ މައުލޫމާތު؛ އަދި
  12. ޕެސްޓިސައިޑް ހުސްކުރާ ކޮންޓެއިނަރާއި ބާކީވެފައި ހުރި ޕެސްޓިސައިޑް ރައްކާކުރުމާއި ނައްތާލެވިދާނެ ގޮތްތަކާބެހޭ މައުލޫމާތު.

(ނ) މި ގާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހުއްދަ ދީފައިވާ ޕެސްޓިސައިޑްތައް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކުރުމަށްފަހު، މިނިސްޓަރު އަލުން މުރާޖައާކޮށް، މި ގާނޫނަށް ޢަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

11 ވަނަ މާއްދާހުއްދަ ދީފައިވާ ޕެސްޓިސައިޑްގެ ރަޖިސްޓްރީއަށް އުނިއިތުރު ގެނައުން  

(ހ) މި ގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން ށާއިއުކުރެވޭ ހުއްދަ ދީފައިވާ ޕެސްޓިސައިޑްގެ ރަޖިސްޓްރީއަށް އުނިއިތުރު ގެނައުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ. މިގޮތުން ރަޖިސްޓްރީއަށް ގެނެވޭ އުނިއިތުރު، އެ އުނިއިތުރެއް ގެނެވޭތާ ގިނަވެގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން، ހުއްދަ ދީފައިވާ ޕެސްޓިސައިޑްގެ ރަޖިސްޓްރީއަށް އުނިއިތުރު ގެނައުމަށް ނިންމުމުގައި މި ގާނޫނުގެ މަގް ސަދުތަކަށާއި، މި ގާނޫނުގެ 9 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަމަށާއި، އެ އުނިއިތުރެއް ގެނައުމުގެ ސަބަބުން  އިންސާނުންނާއި ޖަނަވާރުންގެ އާންމު  ސިއްހަތާއި، ތިމާވެއްޓަށް ކުރާނެ އަސަރުތަކަށް ރިއާޔަތްކުރަންވާނެއެވެ.

(ނ) އަންނަނިވި ހާލަތްތަކުގައި، ހުއްދަ ދީފައިވާ ޕެސްޓިސައިޑްގެ ރަޖިސްޓްރީއަށް   އާ ބާވަތެއްގެ ޕެސްޓިސައިޑެއް އިތުރުކުރެވިދާނެއެވެ.

  1. އަލަށް ފެންނަ ނުވަތަ މިހާރުވެސް އުޅޭ ޕެސްޓެއް ކޮންޓްރޯލްކުރުމަށް، ހުއްދަ ދީފައިވާ ޕެސްޓިސައިޑްގެ ރަޖިސްޓްރީގައިވާ ބާވަތްތައް ނުކުޅެދުން؛
  2. ހުއްދަ ދީފައިވާ ޕެސްޓިސައިޑްގެ ރަޖިސްޓްރީގައި ހިމެނޭ ބާވަތްތަކުގެ ބަދަލުގައި ބޭނުންކުރެވިދާނެ އެއަށްވުރެ ގެއްލުން ކުޑަ އަދި އެއް މިންވަރަކަށް ބޭނުންހިފޭ ޕެސްޓިސައިޑެއް ލިބެންހުރުން؛
  3. ހުއްދަ ދީފައިވާ ޕެސްޓިސައިޑްގެ ރަޖިސްޓްރީގައި ހިމެނޭ ބާވަތްތަކުގެ ބަދަލުގައި ބޭނުންކުރެވިދާނެ، އެއް މިންވަރަކަށް ބޭނުންހިފޭ އަދި އެއް މިންވަރަކަށް ގެންލުންދެނިވި އެހެންނަމަވެސް އަގުހެޔޮ ބާވަތްތައް ލިބެންހުރުން.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ އިތުރުން، މި ގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން ށާއިއުކުރެވޭ ރަޖިސްޓްރީގައި ހިމެނޭ ބާވަތްތަކަށްވުރެ ގެއްލުން ބޮޑު ނޫންނަމަ، ނުވަތަ ބޭނުންހިފޭ މިންވަރު ކުޑަނޫންނަމަ، މިފަދަ އެހެން ބާވަތްތައް ރަޖިސްޓްރީއަށް އިތުރުކުރުމުގެ އިޚްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

(ބ) ހުއްދަ ދީފައިވާ ޕެސްޓިސައިޑްގެ ރަޖިސްޓްރީގައި ހިމެނޭ ޕެސްޓިސައިޑަކާ ގުޅިގެން އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ޕެސްޓިސައިޑެއް ރަޖިސްޓްރީން އުނިކުރަންވާނެއެވެ.

  1. ޕެސްޓިސައިޑެއްގެ ބާވަތެއް ބޭނުން ކުރަމުންދާގޮތް މޮނިޓަރކުރުމުން ނުވަތަ އަލަށް ހޯދޭ ސައިންޓިފިކް މައުލޫމާތަކުން، އެ ޕެސްޓިސައިޑުން ކުރުމަށް ކަނޑައަޅާފައިވާ ބޭނުން ނުފުދޭކަމަށް ދެއްކުން؛
  2. ޕެސްޓިސައިޑެއްގެ ބާވަތެއްގެ ބޭނުން ކުރެވެމުންދާގޮތް މޮނިޓަރކުރުމުން ނުވަތަ އަލަށް ހޯދޭ ސައިންޓިފިކް މައުލޫމާތަކުން، އެ ޕެސްޓިސައިޑްގެ ސަބަބުން ސިއްހަތަށް ނުވަތަ ތިމާވެއްޓަށް ނޭދެވޭ އަސަރުކުރާކަމަށް ނުވަތަ ކުރުމުގެ ނުރައްކާ ބޮޑުކަމަށް ދެއްކުން؛
  3. ހުއްދަ ދީފައިވާ ޕެސްޓިސައިޑްގެ ރަޖިސްޓްރީގައި ހިމެނޭ ބާވަތްތަކުގެ ބަދަލުގައި ބޭނުންކުރެވިދާނެ، އެއަށްވުރެ ގެއްލުން ކުޑަ އަދި އެއާ އެއް މިންވަރަކަށް ނުވަތަ އެއަށްވުރެބޮޑަށް ބޭނުންހިފޭ ބާވަތެއްގެ ޕެސްޓިސައިޑެއް ލިބެންހުރުން؛
  4. މި އަކުރުގެ (1) ވަނަ ނަންބަރުން ފެށިގެން (3) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާފަދަ ހާލަތެއް މެދުވެރިވެގެން، ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާއަކުން އެ ބާވަތް އުނިކުރުން، ނުވަތަ ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ ޖަމްއިއްޔާއަކުން ނުވަތަ އެހެން ގައުމުތަކުން އެ ބާވަތް ކޮންޓްރޯލްކުރުމަށް ނުވަތަ މަދުކުރުމަށް ފިޔަވަޅުއެޅުން.

 

12 ވަނަ މާއްދާ – އިންތިގާލީ ކަންކަން

ހުއްދަ ދީފައިވާ ޕެސްޓިސައިޑްގެ ރަޖިސްޓްރީ ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރުމާއެކު، އެ ރަޖިސްޓްރީގައި ނުހިމެނޭ ޕެސްޓިސައިޑްގެ ބާވަތްތައް އިމްޕޯޓުކުރުމާއި، އެކްސްޕޯޓުކުރުމާއި، ދިވެހިރާއްޖޭގައި ބޭނުންކުރުން، އަންނަނިވި ގޮތުގެމަތިން މަނާކުރެވޭނެއެވެ.

(ހ) ރަޖިސްޓްރީ ށާއިއުކުރާ ތާރީހުން ފެށިގެން، ރަޖިސްޓްރީގައި ނުހިމެނޭ ބާވަތެއް ދިވެހިރާއްޖެއިން ބޭރުން ގެނައުމަށް އޯޑަރު ނުދިނުން؛

(ށ) ރަޖިސްޓްރީ ށާއިއުކުރާ ތާރީހުން ފެށިގެން 2 (ދޭއް) މަސްދުވަސް ހަމަވުމަށްފަހު، ދިވެހިރާއްޖެއަށް އެ ތަކެތި އިމްޕޯޓުކުރުމާއި އެކްސްޕޯޓުކުރުން މަނާވުން؛

(ނ) ރަޖިސްޓްރީ ށާއިއުކުރާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަސް ހަމަވުމަށްފަހު، ދިވެހިރާއްޖޭގައި އެ ތަކެތި ވިއްކުން މަނާވުން؛

(ރ) ރަޖިސްޓްރީ ށާއިއުކުރާ ތާރީހުން ފެށިގެން 12 (ބާރަ) މަސް ހަމަވުމަށްފަހު، އެ ތަކެތި ބޭނުންކުރުން މަނާވުން.

 

 

ހަތަރުވަނަ ބާބު

ޕެސްޓިސައިޑާ ގުޅޭ މުއާމަލާތްތައް

 

13 ވަނަ މާއްދާޕެސްޓިސައިޑް ބޭނުންކުރުން

(ހ) ޕެސްޓިސައިޑް ގަންނައިރު، އެ ޕެސްޓިސައިޑާއެކު ލިބޭ މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާގޮތާ ޚިލާފަށް ނުވަތަ އޭގައި ބަޔާންކޮށްފައިވާ ބޭނުން ފިޔަވައި އެހެން ބޭނުމަކަށް އެ ޕެސްޓިސައިޑެއް އެއްވެސް ފަރާތަކުން ބޭނުންކޮށްގެންނުވާނެއެވެ.

(ށ) ޕެސްޓިސައިޑްގެ މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް ނުވަތަ އޭގައި ބަޔާންކޮށްފައިވާ ބޭނުން ފިޔަވައި އެހެން ބޭނުމަކަށް އެ ޕެސްޓިސައިޑެއް ބޭނުންކުރުމަށް އެއްވެސް ފަރާތަކުން އެ ފަރާތުގެ މުވައްޒަފަކަށް އަންގައިގެން ނުވާނެއެވެ.

(ނ) ޕެސްޓިސައިޑް ބޭނުންކުރުމުގެ ސަބަބުން އިންސާނުންނަށާއި، ޖަނަވާރުންނަށާއި، އެއްގަމާއި ކަނޑުގެ ތިމާވެއްޓަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް ބޭނުންވާނެ އެންމެހައި ސަލާމަތީ ފިޔަވަޅުތައް ޕެސްޓިސައިޑް ބޭނުންކުރާ އެންމެހައި ފަރާތްތަކުން އަޅަންވާނެއެވެ.

(ރ) ރައްކާތެރިވުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމަކާ ނުލައި އެއްވެސް ފަރާތަކުން ޕެސްޓިސައިޑް ބޭނުންކޮށްގެންނުވާނެއެވެ.

(ބ) ޕެސްޓިސައިޑެއް ބޭނުންކުރުމުގެ ސަބަބުން އެއްވެސް ނޭދެވޭ އަސަރެއްކުރާކަން ފާހަގަކުރެވިއްޖެނަމަ، އެކަން މިނިސްޓްރީއަށް ރިޕޯޓުކުރުމަކީ ޕެސްޓިސައިޑް ބޭނުންކުރާ އެންމެހައި ފަރާތްތަކުގެ ޒިންމާއެކެވެ.

 

14 ވަނަ މާއްދާ – މިންގަނޑަށް ނުފެތޭ ބާވަތްތައް

އެއްވެސް ޕެސްޓިސައިޑަކީ ގަޑުބަޑުކޮށްފައިވާ، ނުވަތަ މި ގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން ށާއިއުކުރާ ހުއްދަ ދީފައިވާ ޕެސްޓިސައިޑާބެހޭ ރަޖިސްޓްރީގައި ނުހިމެނޭ، ނުވަތަ އެ ރަޖިސްޓްރީގައި ބަޔާންކުރާ ކަންކަން ފުރިހަމަނުވާ ޕެސްޓިސައިޑެއްކަމަށް އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭނަމަ އެ ޕެސްޓިސައިޑެއް އިމްޕޯޓުކޮށް، އެކްސްޕޯޓުކޮށް، ބޭނުންކޮށް ނުވަތަ ވިއްކައިގެން ނުވާނެއެވެ.

 

15 ވަނަ މާއްދާ - ޕެސްޓިސައިޑްސް ނައްތާލުން

(ހ) އިންސާނުންގެ ނުވަތަ ޖަނަވާރުންގެ  ސިއްހަތަށް ނުވަތަ އެއްގަމާއި ކަނޑުގެ ތިމާވެއްޓަށް ގެއްލުމެއް ލިބިދާނެފަދަ ގޮތަކަށް ނުވަތަ ކަމާބެހޭ އިދާރާއަކުން ކަނޑައަޅާފައިވާގޮތާ ޚިލާފަށް އެއްވެސް ފަރާތަކުން ޕެސްޓިސައިޑެއް ނުވަތަ ޕެސްޓިސައިޑެއްގެ ކުނި ނައްތާލައިގެން ނުވާނެއެވެ.

(ށ) މި ގާނޫނުގެ ދަށުން ހުއްދަ ދީފައިވާ ޕެސްޓިސައިޑްތަކާއި ޕެސްޓިސައިޑްގެ ކުނި ނައްތާލުމާ ގުޅޭގޮތުން ޢަމަލުކުރާނެގޮތް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

16 ވަނަ މާއްދާޕެސްޓިސައިޑް ބަންދުކުރުމާއި ލޭބަލްކުރުން

(ހ) އަންނަނިވި ކަންކަން ފުރިހަމަވެފައިވާ ކޮންޓެއިނަރެއްގައި މެނުވީ އެއްވެސް ފަރާތަކުން ޕެސްޓިސައިޑް ބަންދުކޮށްގެންނުވާނެއެވެ. އަދި، އެފަދަ ކޮންޓެއިނަރެއްގައި ބަންދުކުރެވިފައިވާ ޕެސްޓިސައިޑެއް މެނުވީ، އެއްވެސް ފަރާތަކުން އިމްޕޯޓުކޮށް، އެކްސްޕޯޓުކޮށް، އެއްތަނުން އަނެއްތަނަށް ގެންގޮސް ނުވަތަ ވިއްކައިގެން ނުވާނެއެވެ.

  1. އެ ކޮންޓެއިނަރުގައި ޕެސްޓިސައިޑް ރައްކާކޮށްފައި ބަހައްޓާއިރު ނުވަތަ އެއްތަނުން އަނެއްތަނަށް ގެންދާއިރު، ކޮންޓެއިނަރުގައި ހުރި ޕެސްޓިސައިޑްގެ އަސަރު އިންސާނުންގެ ނުވަތަ ޖަނަވާރުންގެ  ސިއްހަތަށް ނުވަތަ ތިމާވެއްޓަށް ނުފޯރާނެ ފަދަ ކޮންޓެއިނަރަކަށްވުން؛
  2. މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ފަސޭހައިން ކިޔަން އެނގޭގޮތަށް ބަޔާންކޮށްފައިވާ، އަދި ފަސޭހައިން ނުނެއްޓޭގޮތަށް ހަރުކޮށްފައިވާ ލޭބަލެއް ހުރި ކޮންޓެއިނަރަކަށްވުން؛
  3. މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެހެން ކަންކަން ފުރިހަމަވެފައިވާ  ކޮންޓެއިނަރަކަށްވުން.

(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ލޭބަލްގައި ލިޔެފައި ހުންނަންވާނީ ދިވެހި ބަހުން ނުވަތަ އިނގިރޭސި ބަހުންނެވެ.

(ނ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ލޭބަލްގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. އާންމުކޮށް ބޭނުންކުރާ ނަމާއި، ވިޔަފާރީގައި ބޭނުންކުރާ ނަން؛
  2. ފޯމިއުލޭށަން، ހަރަކާތްތެރި މާއްދާ އަދި ކޮންސެންޓްރޭށަން؛
  3. އެ ޕެސްޓިސައިޑެއް ބޭނުންކުރުމަށް ހުއްދަ ދީފައިވާ ގަސްގަހާއި ޕެސްޓް؛
  4. އެ ޕެސްޓިސައިޑެއް ބޭނުންކުރުމަށް ލަފާދީފައިވާ ގޮތާއި މިންވަރު؛
  5. އެ ޕެސްޓިސައިޑެއް ބޭނުންކުރުމުގައި ގެންގުޅެންޖެހޭނެ އާލަތްތަކާއި، ބޭނުންކުރާ ފަރާތާއި، ތިމާވެށީގެ ރައްކާތެރިކަމަށް އެޅިދާނެ ސަލާމަތީ ފިޔަވަޅުތައް؛
  6. ޕްރީ-ހާވެސްޓް އިންޓަރވަލް (ޕީ.އެޗް.އައި)؛
  7. ވިހަވުމުގެ ނިށާންތަކާއި ޢަލާމާތްތައް؛
  8. ޕެސްޓިސައިޑް ބޭނުންކުރުމުގައި އަޅަންޖެހޭ  ސިއްޙީ އަދި ސަލާމަތީ ފިޔަވަޅުތަކާބެހޭ މައުލޫމާތު؛
  9. ނުރައްކާތެރިކަމުގެ އިންޒާރާއި ސަމާލުކަން ދޭންވީ ކަންކަން؛
  10. ބެޗް ނަންބަރާއި، އުފެއްދި ތާރީޚާއި މުއްދަތު ހަމަވާ ތާރީޚް؛
  11. އުފެއްދި ފަރާތުގެ ނަމާއި އެޑްރެސް؛
  12. އަލުން ބަންދުކޮށްފައިވާނަމަ، އަލުން ބަންދުކުރި ފަރާތުގެ ނަމާއި އެޑްރެސް.

(ރ) މި ގާނޫނުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑެއް ދިވެހިރާއްޖޭގައި ވިޔަފާރީގެ ގޮތުގައި ނުވަތަ އެނޫންވެސް ގޮތަކަށް ބޭނުންކުރާނަމަ، އެ ޕެސްޓިސައިޑެއް ބަންދުކޮށްފައިވާ ކޮންޓެއިނަރެއްގައި މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ހިމަނާފައިވާންވާނެއެވެ.

 

17 ވަނަ މާއްދާ – އަލުން ބަންދުކުރުން

(ހ) ޕެސްޓިސައިޑް ގަންނަ އިރު ހުރި، ނުވަތަ އިމްޕޯޓުކުރިއިރު ނުވަތަ އުފެއްދިއިރު ފުރަތަމަ ބަންދުކުރުމަށް ބޭނުންކުރި ކޮންޓެއިނަރަށް ލިބޭ ގެއްލުމެއްގެ ސަބަބުން، މި ގާނޫނުގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ށަރުޠެއް    އެ ކޮންޓެއިނަރުގައި އުނިވެއްޖެ ހާލަތެއްގައި އެ ކޮންޓެއިނަރުގައި ހުރި ޕެސްޓިސައިޑް އަލުން ބަންދުކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ޕެސްޓިސައިޑެއް އަލުން ބަންދުކުރެވޭނީ، މި ގާނޫނުގެ 21 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގެ ދަށުން އަލުން ބަންދުކުރުމާ ގުޅޭ ށަރުތުތައް ބަޔާންކޮށްފައިވާ، މިނިސްޓަރު ދޫކޮށްފައިވާ ވަކި ލައިސަންސެއް ލިބިފައިވާ ފަރާތްތަކަށެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން، ޕެސްޓިސައިޑެއް އަލުން ބަންދުކުރާއިރު ބަންދުކުރަންވާނީ މި ގާނޫނުގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާ ކޮންޓެއިނަރެއްގައެވެ.

 

18 ވަނަ މާއްދާޕެސްޓިސައިޑް ރައްކާކޮށްފައި ބެހެއްޓުން 

(ހ) މީހުން ދިރިއުޅޭ ތަނެއްގައި، ނުވަތަ ޖަނަވާރު ގެންގުޅޭ ތަނެއްގައި، ނުވަތަ ކާބޯތަކެތީގެ އުފެއްދުންތައް، ނުވަތަ ޖަނަވާރުގެ ކާނާ ގެންގުޅޭ ތަނެއްގައި އެއްވެސް ފަރާތަކުން ޕެސްޓިސައިޑެއް ރައްކާކޮށްފައި ބަހައްޓައިގެން ނުވާނެއެވެ. އަދި ޕެސްޓިސައިޑް ރައްކާކުރާ ތަންތަނުގައި ހުންނަންޖެހޭ މިންގަނޑު   މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ށ) ދަނޑުގައި ބޭނުންކުރުމަށް ނުވަތަ ގޭގެ ގޯތި ތެރޭގައި ހައްދާފައި ހުންނަ ގަސްގަހަށް ބޭނުންކުރުމަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ މިންވަރުގެ ޕެސްޓިސައިޑެއް ފިޔަވައި، މި ގާނޫނުގެ 21 ވަނަ މާއްދާގައި ބުނެފައިވާ ލައިސަންސްތަކުގެ ތެރެއިން ލައިސަންސެއް ދޫކުރެވިފައިވާ ފަރާތަކުން މެނުވީ ޕެސްޓިސައިޑެއް ރައްކާކޮށްފައި ބަހައްޓައިގެންނުވާނެއެވެ.

(ނ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރަށް ޕެސްޓިސައިޑް ރައްކާކުރާނަމަ، ހޮސްޕިޓަލްތައް، ސްކޫލުތައް، ފިހާރަތައް، ބައިބޯ އާބާދީ ދިރިއުޅޭ ސަރަހައްދުތައް، ޙިމާޔަތްކޮށްފައިވާ ސަރަހައްދުތައް، ނުވަތަ ގޮނޑުދޮށްތައް ކައިރީގައި ޕެސްޓިސައިޑް ރައްކާކުރާ ގުދަންތައް ބަހައްޓައިގެން ނުވާނެއެވެ.

(ރ) މުއްދަތު ހަމަވެފައިވާ ޕެސްޓިސައިޑާއި، ބޭނުންކޮށްފައި ހުންނަ ކޮންޓެއިނަރުތަކާއި، ތަޣައްޔަރުވެފައިވާ ތަކެތި ނައްތާލެވެންދެން ރައްކާކުރަންވާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

(ބ) މި ގާނޫނަށް ޢަމަލުކުރަން ފަށާއިރު، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ތަންތަނާ ކައިރީގައި ހުރި ޕެސްޓިސައިޑް ރައްކާކުރާ ތަންތަން، މި ގާނޫނަށް ޢަމަލުކުރަން ފަށާތާ 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި އެހެން ތަނަކަށް ބަދަލުކުރަންވާނެއެވެ.

 

19 ވަނަ މާއްދާ - އެއްތަނުން އަނެއްތަނަށް ގެންދިއުން

އެއްވެސް އުޅަނދެއްގެ ޒަރީއާއިން ޕެސްޓިސައިޑް އެއްތަނުން އަނެއްތަނަށް ގެންދާއިރު، އެ އުޅަނދެއްގައި ޕެސްޓިސައިޑްގެ އިތުރުން ކާބޯތަކެތި، ޖަނަވާރުގެ ކާނާ ނުވަތަ ޖަނަވާރު އުފުލާނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން  އެ އުޅަނދުގައި ހިމެނޭ ކާބޯތަކެތި، ޖަނަވާރުގެ ކާނާ ނުވަތަ ޖަނަވާރަށް ޕެސްޓިސައިޑްގެ އަސަރު ނުފޯރާފަދަ ގޮތަކަށް ރައްކާތެރިކަމާއެކު އެ އުޅަނދެއްގައި ޕެސްޓިސައިޑް އެއްތަނުން އަނެއްތަނަށް ގެންދެވިދާނެއެވެ. އަދި އެފަދަ ތަކެތި ހުންނަންވާނީ ޕެސްޓިސައިޑްކަން އެނގޭގޮތަށް ލޭބަލްކުރެވިފައެވެ.

 

20 ވަނަ މާއްދާޕެސްޓިސައިޑް އިށްތިހާރުކުރުން މަނާވުން

ދިވެހިރާއްޖޭގައި ޕެސްޓިސައިޑެއް އިށްތިހާރުކުރުމުގެ ގޮތުން އެއްވެސް ފަރާތަކުން އެއްވެސް ކަމެއް ކުރުމަކީ މަނާކަމެކެވެ.

 

 

ފަސްވަނަ ބާބު

ލައިސަންސްއާއި ހުއްދަ ދޫކުރުން

 

21 ވަނަ މާއްދާލައިސަންސް ދޫކުރުން

(ހ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނުގެ ދަށުން ދޫކުރާ ލައިސަންސެއްގެ ދަށުން މެނުވީ އެއްވެސް ފަރާތަކުން ތިރީގައި ބަޔާންކޮށްފައިވާ ކަންކަމުންކުރެ ކަމެއް ކޮށްގެންނުވާނެއެވެ.

  1. ޕެސްޓިސައިޑް އުފެއްދުން؛
  2. ޕެސްޓިސައިޑް އިމްޕޯޓުކުރުން ނުވަތަ އެކްސްޕޯޓުކުރުން؛
  3. ޕެސްޓިސައިޑް ވިއްކުން؛
  4. އަލުން ބަންދުކުރުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލައިސަންސަށް އެދި ހުށަހަޅާނެ ގޮތާއި، ލައިސަންސްގެ ށަރުތުތަކާއި ލައިސަންސް ހޯދުމަށް އެދި ހުށަހަޅާނެ އިޖުރާއަތުތަކާއި، ލައިސަންސް ދޫކުރާނެގޮތް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

22 ވަނަ މާއްދާ - އިމްޕޯޓުކުރުމާއި އެކްސްޕޯޓުކުރުމުގެ ޚާއް ސަ އުސޫލު

އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، މި ގާނޫނުގެ ދަށުން ދިވެހިރާއްޖެއަށް އެއްވެސް ބާވަތެއްގެ ޕެސްޓިސައިޑެއް އިމްޕޯޓުކުރެވޭނީ އަދި އެކްސްޕޯޓުކުރެވޭނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށް މި ގާނޫނުގެ 21 ވަނަ މާއްދާގެ ދަށުން މިނިސްޓަރު ދޫކުރާ ލައިސަންސެއް ލިބިގެންނެވެ.

 

23 ވަނަ މާއްދާ – އިތުރު ހުއްދަތައް

(ހ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، މެދުވެރިވާ ކުއްލި ހާލަތަކާ ގުޅިގެން، ނުވަތަ އަލަށް ފެންނަ ބާވަތެއްގެ ޕެސްޓަކާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި، ނުވަތަ ވަކި ބާވަތެއްގެ ޕެސްޓަކާގުޅޭ ޕެސްޓިސައިޑް ބާޒާރުގައި ލިބެން ނެތުމުގެ ވަގުތީ މައްސަލައެއް ހައްލުކުރުމަށްޓަކައި، ކަމާބެހޭ ފަރާތްތަކުގެ މަށްވަރާއާއެކު ހުއްދަ ދީފައިވާ ޕެސްޓިސައިޑްގެ ރަޖިސްޓްރީގައި ނުހިމެނޭ ޕެސްޓިސައިޑެއް އިމްޕޯޓުކުރުމަށާއި ބޭނުންކުރުމަށް ވަގުތީ ހުއްދައެއް ދޫކުރުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.

(ށ) ވަކި ކަމެއް ދިރާސާކުރުމަށްޓަކައި، މި ގާނޫނުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހުއްދަ ދީފައިވާ ޕެސްޓިސައިޑްގެ ރަޖިސްޓްރީގައި ނުހިމެނޭ ބާވަތެއް އިމްޕޯޓުކުރުމުގެ ނުވަތަ ބޭނުންކުރުމުގެ ވަގުތީ ހުއްދައެއް ކަމާގުޅޭ ފަރާތްތަކުގެ ލަފަޔާއެކު ދިރާސާކުރާ ފަރާތަކަށް ދޫކުރުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ވަގުތީ ހުއްދައެއް ދޫކުރެވިފައިވާ ފަރާތަކަށް ލިޔުމުން ދެވޭ ނޯޓިހަކުން ކޮންމެ ވަގުތަކުވެސް އަންނަނިވި ކަންކަން ކުރުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.

  1. ހުއްދަ ބާޠިލުކުރުން؛
  2. އެ ހުއްދައިގައި ބަޔާންކޮށްފައިވާ ށަރުތުތަކަށް ބަދަލުގެނެސް، ނުވަތަ އެއިން ށަރުޠެއް ބާޠިލުކޮށް ނުވަތަ އިތުރު ށަރުތުތަކެއް ކަނޑައެޅުން.

(ރ) މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ ވަގުތީ ހުއްދައަށް އެދި ހުށަހަޅާނެ ގޮތާއި، ހުއްދަ ދޫކުރެވޭނެ ށަރުތުތަކާއި، ހުއްދަ ދޫކުރެވޭ މުއްދަތާއި ހުއްދަ ދޫކުރުމާގުޅޭ އިޖުރާއަތުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

24 ވަނަ މާއްދާ - ލައިސަންސަށް އެދި ހުށަހަޅާ ފަރާތުގެ ކިބައިގައި ހުންނަންޖެހޭ ށަރުތުތައް

މި ގާނޫނުގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލައިސަންސަށް އެދި ހުށަހަޅާ ފަރާތުގެ ކިބައިގައި ފުރިހަމަވާންޖެހޭ ށަރުތުތައް މި ގާނޫނުގެ ދަށުން ހަދާ ލައިސަންސް ދޫކުރުމާބެހޭ ގަވާއިދުގައި ހިމަނަންވާނެއެވެ.

 

25 ވަނަ މާއްދާ – ލައިސަންސަށް ބަދަލުގެނައުން ނުވަތަ ބާޠިލުކުރުން

(ހ) މި ގާނޫނުގެ ދަށުން ލައިސަންސް ދޫކުރެވުނުއިރު ހުރި ހާލަތު ބަދަލުވެއްޖެނަމަ، ނުވަތަ ލައިސަންސް ދޫކޮށްފައިވާ ފަރާތުން ލައިސަންސްގެ ށަރުޠަކާ ޚިލާފުވެއްޖެނަމަ، ނުވަތަ މި ގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން ހުއްދަ ދީފައިވާ ޕެސްޓިސައިޑްގެ ރަޖިސްޓްރީއަށް ގެންނަ އުނިއިތުރަކާ ގުޅިގެން މި ގާނޫނުގެ ދަށުން ދޫކޮށްފައިވާ ލައިސަންސަކަށް ބަދަލު ގެނައުމުގެ ނުވަތަ ލައިސަންސް ބާޠިލުކުރުމުގެ އިޚްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެގެން ލައިސަންސަށް ބަދަލު ގެނައުމުގައި ނުވަތަ ލައިސަންސް ބާޠިލުކުރުމުގައި ޢަމަލުކުރަންޖެހޭ އިޖުރާއަތު މި ގާނޫނުގެ ދަށުން ހަދާ ލައިސަންސް ދޫކުރުމާބެހޭ ގަވާއިދުގައި ހިމަނަންވާނެއެވެ.

 

26 ވަނަ މާއްދާ – ރެކޯޑު ބެލެހެއްޓުން

(ހ) މި ގާނޫނުގެ 21 ވަނަ މާއްދާގެ ދަށުން ލައިސަންސް ދޫކުރާ ފަރާތްތަކުން، އެ ފަރާތަށް ދޫކުރެވިފައިވާ ލައިސަންސްގެ ދަށުން ކުރާ އެންމެހައި މުއާމަލާތްތަކުގެ ރެކޯޑު މިނިސްޓްރީން ބަލަހައްޓަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ބަލަހައްޓަންޖެހޭ ރެކޯޑުގެ ތެރޭގައި އެ ފަރާތަކަށް ދޫކޮށްފައިވާ ލައިސަންސްގެ ދަށުން އުފައްދާ ނުވަތަ އިމްޕޯޓުކުރާ ނުވަތަ އެކްސްޕޯޓުކުރާ، ނުވަތަ އަލުން ބަންދުކުރާ ނުވަތަ ވިއްކާ ޕެސްޓިސައިޑްގެ ނަމާއި، (އާންމުކޮށް ބޭނުންކުރާ ނަން، ހަރަކާތްތެރި މާއްދާ އަދި ފޯމިއުލޭށަން)، އެ ޕެސްޓިސައިޑް ބަންދުކުރުމަށް ބޭނުންކޮށްފައިވާ ތަކެތީގެ ބާވަތާއި، އުފައްދާފައިވާ ނުވަތަ ވިއްކާފައިވާ ނުވަތަ ގަނެފައިވާ ޢަދަދުގެ އިތުރުން    މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެހެނިހެން މައުލޫމާތު ހިމަނަންވާނެއެވެ.

 

 

ހަވަނަ ބާބު

ބަލައި ފާސްކުރުންތައް

 

27 ވަނަ މާއްދާ - ބަލައި ފާސްކުރުން

މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ޢަމަލުކުރޭތޯ ބެލުމުގެ ގޮތުން، ޕެސްޓިސައިޑް އިމްޕޯޓުކުރާ، އެކްސްޕޯޓުކުރާ، އުފައްދާ، ބަންދުކުރާ، އަލުން ބަންދުކުރާ، ލޭބަލްކުރާ، ރައްކާކުރާ، ވިއްކާ، ބޭނުންކުރާ، އަދި ނައްތާލާ ގޮތާއި  އެ މަސައްކަތްކުރާ ތަންތަން މިނިސްޓްރީން ބަލައި ފާސްކުރަންވާނެއެވެ.

 

28 ވަނަ މާއްދާޕެސްޓިސައިޑް އިންސްޕެކްޓަރުން

މި ގާނޫނުގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސައްކަތްތައްކުރާ ގޮތާއި،  އެ މަސައްކަތްކުރާ ތަންތަން ބަލައި ފާސްކުރުމަށް ޕެސްޓިސައިޑް އިންސްޕެކްޓަރުން މިނިސްޓަރު ކަނޑައަޅަންވާނެއެވެ.

 

29 ވަނަ މާއްދާޕެސްޓިސައިޑް އިންސްޕެކްޓަރުންގެ ބާރުތަކާއި ވާޖިބުތައް

(ހ) މި ގާނޫނުގެ 28 ވަނަ މާއްދާގެ ދަށުން ޢައްޔަންކުރާ ޕެސްޓިސައިޑް އިންސްޕެކްޓަރުންނަށް އަންނަނިވި ކަންކަން ކުރުމުގެ ބާރު ލިބިގެންވެއެވެ.

  1. މި ގާނޫނުގެ ދަށުން ލައިސަންސް ދޫކުރެވިފައިވާ ފަރާތްތަކުން  މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ޢަމަލުކުރޭތޯ ބެލުމުގެ ގޮތުން، ޕެސްޓިސައިޑް އިމްޕޯޓުކުރާ، އެކްސްޕޯޓުކުރާ، އުފައްދާ، ބަންދުކުރާ، އަލުން ބަންދުކުރާ، ލޭބަލްކުރާ، ރައްކާކުރާ، ވިއްކާ، ބޭނުންކުރާ އަދި ނައްތާލާ ގޮތާއި އެ މަސައްކަތްކުރާ ތަންތަން ބަލައި ފާސްކުރުން؛
  2. މި ގާނޫނުގެ ދަށުން ބަލަހައްޓަންޖެހޭ ރެކޯޑުތަކާއި، މި ގާނޫނުގެ ދަށުން ލައިސަންސް ލިބިގެން ހިންގާ މުއާމަލާތްތަކާގުޅޭ ލިޔެކިޔުންތައް ހޯދައި، އެ ތަކެތީގެ ކޮޕީ ހެދުން؛
  3. އެއްވެސް ފަރާތެއްގެ ބެލުމުގެ ދަށުގައި ހުރި ޕެސްޓިސައިޑް ނުވަތަ ޕެސްޓިސައިޑްކަމަށް ބެލެވޭ ބާވަތުގެ ތަކެތީގެ ސާމްޕަލް ނަގައި، އެ ތަކެތި ތަޙްލީލުކުރުން؛
  4. މި ގާނޫނާ ޚިލާފަށް އެއްވެސް ޢަމަލެއް ހިންގާފައިވާކަމަށް ނުވަތަ ހިންގަމުންދާކަމަށް އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް އިންސްޕެކްޓަރަށް ގަބޫލުކުރެވޭނަމަ، ތުހުމަތުކުރެވޭ ފަރާތުން އެ ޢަމަލެއް ހިންގުމަށް ބޭނުންކުރަމުންދާ އާލަތް، ޕެސްޓިސައިޑް، ލިޔެކިޔުން، ރެކޯޑު ނުވަތަ އެހެނިހެން ތަކެތި ހިފެހެއްޓުން؛
  5. މި ޤާނޫނުގެ ދަށުން ހޯދަންޖެހޭ ލައިސަންސް ހޯދުމަކާ ނުލައި، މި ގާނޫނުގައި ބަޔާންކޮށްފައިވާ އެއްވެސް ކަމެއް ކުރާކަމަށް އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް އިންސްޕެކްޓަރަށް ގަބޫލުކުރެވޭނަމަ، ނުވަތަ މި ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގެ ދަށުން އެއްވެސް ފަރާތަކުން އެފަދަ މައްސަލައެއް ހުށަހަޅައިފިނަމަ، އެ މައްސަލައެއް ބެލުމުގެގޮތުން ގާނޫނާ ހިލާފުވިކަމަށް ތުހުމަތުކުރެވޭ ފަރާތުން ދިރިއުޅުމަށް ބޭނުންކުރާ ތަން ފިޔަވައި އެހެން ތަންތަން ބަލައި ފާސްކުރުން އަދި ބޭނުންވާ ލިޔެކިޔުންތައް ހޯދުން.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ކޯޓު އަމުރެއްގެ ދަށުން މެނުވީ، ޕެސްޓިސައިޑް އިންސްޕެކްޓަރަކު މީހުން ދިރިއުޅޭ އެއްވެސް ތަނަކަށް، އެތާނގައި ދިރިއުޅޭ މީހުންގެ ހުއްދަނެތި ވަދެގެން ނުވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބާރުތަކުގެ ބޭނުން ހިފުމުގައާއި، އެ މާއްދާގެ ދަށުން ޕެސްޓިސައިޑް އިންސްޕެކްޓަރުން ހޯދާ ލިޔެކިޔުންތަކާއި އެހެނިހެން ތަކެއްޗާމެދު ޢަމަލުކުރަންޖެހޭ ގޮތުގެ އިޖުރާއަތު ބަޔާންކުރާ އޮޕަރޭށަންސް މެނުއަލްއެއް މި ގާނޫނަށް ޢަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެކުލަވާލަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ޕެސްޓިސައިޑް އިންސްޕެކްޓަރުންގެ ޒިންމާ އަދާކުރުމުގެގޮތުން، ގާނޫނާ އެއްގޮތަށް ކުރާ ޢަމަލެއްގެ ސަބަބުން އެއްވެސް ފަރާތަކަށް ލިބޭ ގެއްލުމުގެ ޒިންމާ ސަރުކާރުން އުފުލާކަށް ނުޖެހޭނެއެވެ.

(ބ) މި މާއްދާގެ (ހ) ގެ ދަށުން ޕެސްޓިސައިޑް އިންސްޕެކްޓަރަކު ކުރާ ކަމަކާމެދު ހިތްހަމަނުޖެހޭ ފަރާތްތަކުން އެކަމެއް ހިނގާތާ ގިނަވެގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެ މައްސަލައެއް ބަލައިދިނުމަށް އެދި މިނިސްޓްރީއަށް ހުށަހެޅިދާނެއެވެ.

(ޅ) މި މާއްދާގެ (ހ) ގެ ދަށުން ޕެސްޓިސައިޑް އިންސްޕެކްޓަރަކު ކުރާ ކަމަކާމެދު ހިތްހަމަނުޖެހޭ ފަރާތްތަކުން މިނިސްޓްރީއަށް މައްސަލަ ހުށަހަޅާނެ ގޮތާއި، ހުށަހަޅާ މައްސަލަތައް ބަލައި ފިޔަވަޅު އަޅާނެ ގޮތް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

30 ވަނަ މާއްދާ – ފިޔަވަޅު އެޅުން

(ހ) މި ގާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ޕެސްޓިސައިޑް އިންސްޕެކްޓަރުން ކުރާ އިންސްޕެކްށަންއަކުން، މި ގާނޫނާ ޚިލާފަށް ޕެސްޓިސައިޑެއް އިމްޕޯޓުކުރަން އުޅެފިނަމަ ނުވަތަ އެކްސްޕޯޓުކުރަން އުޅެފިނަމަ ނުވަތަ މި ގާނޫނާ ޚިލާފަށް އިމްޕޯޓުކޮށްފައިވާކަމަށް ނުވަތަ އެކްސްޕޯޓުކޮށްފައިވާކަމަށް ނުވަތަ އުފައްދާފައިވާކަމަށް ނުވަތަ ބޭނުންކޮށްފައިވާކަމަށް ނުވަތަ އަލުން ބަންދުކޮށްފައިވާކަމަށް ފެނިއްޖެނަމަ، ނުވަތަ އެފަދަ ޢަމަލެއް އެއްވެސް ފަރާތަކުން ހިންގިކަމުގެ މައުލޫމާތު މިނިސްޓްރީއަށް ލިބިއްޖެނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން، އެ ޕެސްޓިސައިޑަކާމެދު އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށް ޢަމަލުކުރަންވާނެއެވެ.

  1. އެ ބާވަތް އިމްޕޯޓުކުރި ގައުމަށް އަނބުރާ ފޮނުވުމަށް ނުވަތަ ނައްތާލުމަށް އެންގުން؛
  2. އެ ބާވަތް ހިފެހެއްޓުން؛
  3. ދިވެހިރާއްޖެ ގެނައުން މަނާ ތަކެތި ނައްތާލުމާބެހޭ ޒިންމާ ހަވާލުކޮށްފައިވާ އިދާރާއަށް އެންގުން؛
  4. ތިމާވެށި ރައްކާތެރިކުރުމުގެ ޒިންމާ ހަވާލުކޮށްފައިވާ ވުޒާރާއާއި ދިވެހިރާއްޖެ ގެނައުން މަނާ ތަކެތި ނައްތާލުމުގެ ޒިންމާ ހަވާލުކޮށްފައިވާ ވުޒާރާއާއެކު ކުރެވޭ މަށްވަރާތަކުގެ މައްޗަށް ބިނާކޮށް، އެހެނިހެން ނިންމުންތައް ނިންމުން.
  5. މި ގާނޫނުގެ ދަށުން ހޯދަންޖެހޭ ލައިސަންސް ހޯދުމަކާ ނުލައި، މި ގާނޫނުގައި ބަޔާންކޮށްފައިވާ އެއްވެސް ކަމެއް ކުރާކަމަށް އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް އިންސްޕެކްޓަރަށް ގަބޫލުކުރެވޭނަމަ، ނުވަތަ މި ގާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގެ ދަށުން އެއްވެސް ފަރާތަކުން އެފަދަ މައްސަލައެއް ހުށަހަޅައިފިނަމަ، އެ މައްސަލައެއް ބެލުމުގެގޮތުން ގާނޫނާ ޚިލާފުވިކަމަށް ތުހުމަތުކުރެވޭ ފަރާތުން ދިރިއުޅުމަށް ބޭނުންކުރާ ތަން ފިޔަވައި އެހެން ތަންތަން ބަލައި ފާސްކުރުން އަދި ބޭނުންވާ ލިޔެކިޔުންތައް ހޯދުން. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެންގުމެއް އަންގަންވާނީ އެ ޕެސްޓިސައިޑްގެ ވެރިފަރާތަށް ނުވަތަ ގެންގުޅޭ ފަރާތަށް ނުވަތަ ބަލަހައްޓާ ފަރާތަށް ނުވަތަ ބާރުފޯރުވާ ފަރާތަށް ލިޔުމުން ފޮނުވޭ ނޯޓިހަކުންނެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ދޭ ނޯޓިހުގައި، ވަކި މުއްދަތެއްގެ ތެރޭގައި  އެ ޕެސްޓިސައިޑެއް އަނބުރާ ފޮނުވާލުމަށް ނުވަތަ ނައްތާލުމަށް އަންގައި، އެ ޕެސްޓިސައިޑެއް ނައްތާލުމުގައި ޢަމަލުކުރަންޖެހޭނެ ގޮތާއި، ނައްތާލަންޖެހޭ މުއްދަތު ބަޔާންކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ނޯޓިސްގެ މުއްދަތުގެ ތެރޭގައި އެ ނޯޓިސްގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޕެސްޓިސައިޑް އަނބުރާ ފޮނުވާލާފައިނުވާނަމަ ނުވަތަ ނައްތާލާފައިނުވާނަމަ އެ އެއްޗެއް މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނެސް، މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އިދާރާތަކުން އަންގާގޮތަކަށް މިނިސްޓްރީން ޢަމަލުކުރަންވާނެއެވެ.

(ބ) މި މާއްދާގެ ދަށުން އިމްޕޯޓުކޮށްފައިވާ ޕެސްޓިސައިޑެއް އަނބުރާ ފޮނުވުމަށް ނުވަތަ އެ ބާވަތެއް ނައްތާލުމަށް ހިނގާ ހަރަދު ދޭންޖެހޭނީ އެ ޕެސްޓިސައިޑެއް އިމްޕޯޓުކުރި ނުވަތަ އެޕެސްޓިސައިޑް ގެންގުޅުނު ފަރާތަކުންނެވެ.

 

  

ހަތްވަނަ ބާބު

ކުށާއި އަދަބު

 

31 ވަނަ މާއްދާލައިސަންސް ނެތި މަސައްކަތްކުރުން

 

(ހ) މި ގާނޫނުގެ ދަށުން ދޫކުރާ ލައިސަންސް ލިބިގެން މެނުވީ އަންނަނިވި ކަންކަން ކުރުމަކީ ކުށެކެވެ.

  1. ޕެސްޓިސައިޑް އުފެއްދުން ނުވަތަ އަލުން ބަންދުކުރުން؛
  2. ޕެސްޓިސައިޑް އިމްޕޯޓުކުރުން ނުވަތަ އެކްސްޕޯޓުކުރުން؛
  3. ޕެސްޓިސައިޑް ވިއްކުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޢަމަލެއް ކޮށްފި މީހެއްގެ އަދަބަކީ،  25,000 (ފަންސަވީސް ހާސް) ރުފިޔާއާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމެވެ.

 

32 ވަނަ މާއްދާ – ގާނޫނާ ޚިލާފަށް ޕެސްޓިސައިޑް ރައްކާކުރުން

(ހ) މީހުން ދިރިއުޅޭ ތަނެއްގައި، ނުވަތަ ޖަނަވާރު ގެންގުޅޭ ތަނެއްގައި، ނުވަތަ ކާބޯތަކެތީގެ އުފެއްދުންތައް، ނުވަތަ ޖަނަވާރުގެ ކާނާ ގެންގުޅޭ ތަނެއްގައި ޕެސްޓިސައިޑް ރައްކާކޮށްފައި ބެހެއްޓުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޢަމަލެއް ކޮށްފި މީހެއްގެ އަދަބަކީ،  15,000 (ފަނަރަ ހާސް)  ރުފިޔާއާއި 60،0000 (ފަސްދޮޅަސް ހާސް) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމެވެ.

 

33 ވަނަ މާއްދާ – ގާނޫނާ ޚިލާފަށް ޕެސްޓިސައިޑް ގެންގުޅުމާއި، ރައްކާކުރުމާއި، އަތުގައި ބެހެއްޓުމާއި ބޭނުންކުރުން

(ހ) އަންނަނިވި ހާލަތްތަކުގައި މެނުވީ، އެއްވެސް ފަރާތަކުން ޕެސްޓިސައިޑް ގެންގުޅުމާއި، ރައްކާކޮށްފައި ބެހެއްޓުމާއި، އަތުގައި ބެހެއްޓުމާއި، ބޭނުންކުރުމަކީ މަނާކަމެކެވެ.

  1. މި ގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން ށާއިއުކޮށްފައިވާ ހުއްދަ ދީފައިވާ ޕެސްޓިސައިޑްގެ ރަޖިސްޓްރީގައި ހިމެނޭ ބާވަތަކަށްވުން؛ ނުވަތަ
  2. މި ގާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ވަގުތީގޮތުން އިސްތިސްނާކޮށްފައިވާ ބާވަތެއްކަމުގައިވުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޢަމަލެއް ކޮށްފި މީހެއްގެ އަދަބަކީ، 15،000 (ފަނަރަ ހާސް)  ރުފިޔާއާއި 60،000 (ފަސްދޮޅަސް ހާސް) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމެވެ.

 

34 ވަނަ މާއްދާ – ގާނޫނާ ޚިލާފަށް ލޭބަލްކުރުން

(ހ) މި ގާނޫނުގެ 16 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ހިމެނޭ ލޭބަލެއް ނުވަތަ މައުލޫމާތު ކަރުދާހަކާ ނުލައި ޕެސްޓިސައިޑެއް ވިއްކުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޢަމަލެއް ކޮށްފި މީހެއްގެ އަދަބަކީ،  15،000 (ފަނަރަ ހާސް)  ރުފިޔާއާއި 60،000 (ފަސްދޮޅަސް ހާސް) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމެވެ.

 

35 ވަނަ މާއްދާ - ގެއްލުންލިބޭ ފަދަ ގޮތަކަށް ޕެސްޓިސައިޑް ގެންގުޅުން

(ހ) ޕެސްޓިސައިޑް ރައްކާކުރުމުގައާއި ބެހެއްޓުމުގައާއި، ގެންގުޅުމުގައި އިންސާނުންގެ ނުވަތަ ޖަނަވާރުންގެ  ސިއްހަތައް ނުވަތަ ތިމާވެއްޓަށް ގެއްލުން ލިބޭފަދަ ކޮންޓެއިނަރެއްގައި ބެހެއްޓުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޢަމަލެއް ކޮށްފި މީހެއްގެ އަދަބަކީ، 15،000 (ފަނަރަ ހާސް)  ރުފިޔާއާއި 60،000 (ފަސްދޮޅަސް ހާސް) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމެވެ.

 

36 ވަނަ މާއްދާހުއްދަ ނެތް ބާވަތް އިމްޕޯޓުކުރުން ނުވަތަ އެކްސްޕޯޓުކުރުން ނުވަތަ ވިއްކުން ނުވަތަ ބޭނުންކުރުން

(ހ) ގަޑުބަޑުކޮށްފައިވާ، ނުވަތަ މި ގާނޫނުގެ ދަށުން އާންމުކުރާ ހުއްދަ ދީފައިވާ ޕެސްޓިސައިޑާބެހޭ ރަޖިސްޓްރީގައި ނުހިމެނޭ ނުވަތަ އެ ރަޖިސްޓްރީގައި ބަޔާންކުރާ ކަންކަން ފުރިހަމަނުވާ ޕެސްޓިސައިޑެއް އިމްޕޯޓުކުރުމަކީ ނުވަތަ އެކްސްޕޯޓުކުރުމަކީ ނުވަތަ  ބޭނުންކުރުމަކީ ނުވަތަ ވިއްކުމަކީ ނުވަތަ އެއިން ކަމެއް ކުރަން އުޅުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޢަމަލެއް ކޮށްފި، ނުވަތަ އެފަދަ ޢަމަލެއް ކުރަން އުޅެފި، ނުވަތަ އެފަދަ ޢަމަލެއް ކުރުމުގައި ބައިވެރިވެއްޖެ ފަރާތެއްގެ އަދަބަކީ، 15،000 (ފަނަރަ ހާސް)  ރުފިޔާއާއި 60،000 (ފަސްދޮޅަސް ހާސް) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމެވެ.

 

37 ވަނަ މާއްދާ – ގާނޫނާ ޚިލާފަށް ޕެސްޓިސައިޑް ނައްތާލުން

(ހ) އިންސާނުންގެ ނުވަތަ ޖަނަވާރުންގެ  ސިއްހަތަށް ނުވަތަ އެއްގަމާއި ކަނޑުގެ ތިމާވެއްޓަށް ގެއްލުމެއް ލިބިދާނެފަދަ ގޮތަކަށް ނުވަތަ ކަމާބެހޭ އިދާރާއަކުން ކަނޑައަޅާފައިވާގޮތާ ޚިލާފަށް ޕެސްޓިސައިޑެއް ނުވަތަ ޕެސްޓިސައިޑެއްގެ ކުނި ނައްތާލުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޢަމަލެއް ކޮށްފި މީހެއްގެ އަދަބަކީ، 15،000 (ފަނަރަ ހާސް)  ރުފިޔާއާއި 60،000 (ފަސްދޮޅަސް ހާސް) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމެވެ.

 

38 ވަނަ މާއްދާގާނޫނު ތަންފީޒުކުރުމަށް ދަތިކުރުން

(ހ) މި ގާނޫނުގެ ދަށުން ޕެސްޓިސައިޑް އިންސްޕެކްޓަރުން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ނުވަތަ އޭނާއަށް މި ގާނޫނުގެ ދަށުން ލިބިދޭ ނުވަތަ ބޭނުންކުރަންޖެހޭ ބާރެއްގެ ބޭނުންކުރުމަށް ދަތިކޮށް ނުވަތަ ހުރަސްއަޅައިގެންނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޢަމަލެއް ކޮށްފި މީހެއްގެ އަދަބަކީ، 5،000 (ފަސް ހާސް) ރުފިޔާއާއި 30،000 (ތިރީސް ހާސް) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމެވެ.

 

39 ވަނަ މާއްދާ – ރެކޯޑު ނުބެލެހެއްޓުން

(ހ) ޕެސްޓިސައިޑް ގެންގުޅޭ ފަރާތްތަކުން ބަލަހައްޓަންޖެހޭ ރެކޯޑުތައް މި ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން ނުބެލެހެއްޓުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޢަމަލެއް ކޮށްފި މީހެއްގެ އަދަބަކީ، 5،000 (ފަސް ހާސް) ރުފިޔާއާއި 30،000 (ތިރީސް ހާސް) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމެވެ.

 

40 ވަނަ މާއްދާ – ގާނޫނާ ޚިލާފަށް ޕެސްޓިސައިޑް އެއްތަނުން އަނެއްތަނަށް ގެންދިއުން

(ހ) އުޅަނދެއްގެ ޒަރީއާއިން ޕެސްޓިސައިޑް އެއްތަނުން އަނެއްތަނަށް ގެންދާއިރު،  މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ރައްކާތެރިކަމުގެ ފިޔަވަޅު ނާޅައި ގެންދިއުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޢަމަލެއް ކޮށްފި މީހެއްގެ އަދަބަކީ 5،000 (ފަސް ހާސް) ރުފިޔާއާއި 30،000 (ތިރީސް ހާސް) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމެވެ.

 

41 ވަނަ މާއްދާޕެސްޓިސައިޑް އިށްތިހާރުކުރުން

(ހ) ޕެސްޓިސައިޑެއް އިށްތިހާރުކުރުމުގެ ގޮތުން އެއްވެސް ފަރާތަކުން އެއްވެސް ކަމެއް ކުރުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޢަމަލެއް ކޮށްފި މީހެއްގެ އަދަބަކީ،  5،000 (ފަސް ހާސް) ރުފިޔާއާއި 30،000 (ތިރީސް ހާސް) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމެވެ.

 

42 ވަނަ މާއްދާމައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް ޕެސްޓިސައިޑް ބޭނުންކުރުން

(ހ) ޕެސްޓިސައިޑްގެ މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް ނުވަތަ އޭގައި ބަޔާންކޮށްފައިވާ ބޭނުން ފިޔަވައި އެހެން ބޭނުމަކަށް އެ ޕެސްޓިސައިޑެއް ބޭނުންކުރުމަކީ ނުވަތަ އެފަދައިން ޕެސްޓިސައިޑެއް ބޭނުންކުރުމަށް އެންގުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޢަމަލެއް ކޮށްފި މީހެއްގެ އަދަބަކީ، ,0001 (އެއް ހާސް) ރުފިޔާއާއި 10,000 (ދިހަ ހާސް) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމެވެ.

 

43 ވަނަ މާއްދާ – ށަކުވާ ހުށަހެޅުން

(ހ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނުގެ ދަށުން އެޅޭ އެއްވެސް ފިޔަވަޅަކާމެދު އެއްވެސް ފަރާތަކުން ހިތްހަމަނުޖެހޭނަމަ، އެ މައްސަލައެއް ބަލައިދިނުމަށް އެދި މިނިސްޓަރަށް ށަކުވާ ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ ދަށުން މިނިސްޓަރަށް ށަކުވާ ހުށަހަޅާނެ ގޮތާއި، މައްސަލަ ބެލުމުގެ އިޖުރާއަތު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. 

(ނ) މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރަށް ހުށަހެޅޭ ށަކުވާއަކާ ގުޅިގެން މިނިސްޓަރު ނިންމާ ނިންމުމެއްގެ ސަބަބުން، ގެއްލުން ލިބޭ ފަރާތަށް ލިބިގެންވާ ކޯޓަށް ދިއުމުގެ ހައްގަށް އުނިކަމެއް ނާންނާނެއެވެ.

 

44 ވަނަ މާއްދާ – ގާނޫނާ ޚިލާފު ކަންކަން ރިޕޯޓުކުރުން

(ހ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ޚިލާފަށް އެއްވެސް ފަރާތަކުން ޢަމަލުކުރަމުންދާކަން އެނގިއްޖެނަމަ، އެކަން މިނިސްޓްރީއަށް ރިޕޯޓުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، މައްސަލަ ރިޕޯޓުކުރާނެ ގޮތުގެ އިޖުރާއަތު އަދި އެފަދަ ރިޕޯޓެއް ލިބިއްޖެނަމަ ޢަމަލުކުރާނެ ގޮތުގެ އިޖުރާއަތު މި ގާނޫނުގެ ދަށުން މިނިސްޓްރީން ހަދާ ގަވާއިދުގައި ހިމަނަންވާނެއެވެ.

 

 

 

އަށްވަނަ ބާބު

އެހެނިހެން ކަންތައްތައް

 

45 ވަނަ މާއްދާ – ޚިދުމަތުގެ ފީ

މި ގާނޫނުގެ ދަށުން މިނިސްޓްރީން ފޯރުކޮށްދޭ ޚިދުމަތްތަކަށް ޚިދުމަތުގެ ފީއެއް ނެގުމުގެ އިޚްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ. އެގޮތުން ނަގާ ޚިދުމަތުގެ ފީ ނެގޭނެ މިންވަރާއި، ފީ ނެގުމާބެހޭ އުސޫލު މި ގާނޫނުގެ ދަށުން މިނިސްޓްރީން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

46 ވަނަ މާއްދާ – ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކާ ގުޅިގެން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް

ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާއެއް ނުވަތަ ދިވެހިރާއްޖެއިން ވެފައިވާ ބައިނަލްއަގްވާމީ އެއްބަސްވުމެއްގެ ދަށުން ދިވެހިރާއްޖެއިން އުފުލަންޖެހޭ ޒިންމާއަކާ ގުޅިގެން ސަރުކާރުގެ ވަކި ވުޒާރާއަކާ ހަވާލުވެފައިވާ މަސްއޫލިއްޔަތެއް އަދާކުރާނީ މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހުގައިވެސް އެ ވުޒާރާއަކުންނެވެ.

 

47 ވަނަ މާއްދާ – ގަވާއިދު ހެދުން

(ހ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ މިނިސްޓްރީންނެވެ. މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް ޢަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގަވާއިދުތަކުގެ އިތުރުން އަންނަނިވި ކަންކަމާ ގުޅޭގޮތުން ގަވާއިދު ހެދުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.

  1. ނަހަމަގޮތުގައި ޕެސްޓިސައިޑް ބޭނުންކުރުމުގައި ހުރި ނުރައްކާތެރިކަމާއި އެއިން ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށްޓަކައި ޕެސްޓިސައިޑްގެ ބޭނުން ރަނގަޅުގޮތުގައި ހިފުމާ ގުޅޭގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމާއި މިފަދަ ކަންކަމާގުޅޭ ތަމްރީނުތައް ރޭވުމާ ގުޅޭގޮތުން؛
  2. ޕެސްޓިސައިޑް ކޮންޓްރޯލްކުރުމާއި، މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރުމުގައި ދައުލަތުގެ އިދާރާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާގުޅޭ ގޮތުން؛
  3. އިންޓަގްރޭޓެޑް ޕެސްޓް މެނޭޖްމަންޓް ކުރިއެރުވުމާ ގުޅޭގޮތުން.

 

48 ވަނަ މާއްދާ – ޢަމަލުކުރަން ފެށުން

މި ގާނޫނަށް ޢަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަ ސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

 

49 ވަނަ މާއްދާ – މާނަކުރުން

މި ގާނޫނުގައި އިބާރާތެއް ނުވަތަ ލަފްޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާ ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފްޒުތަކަށް ދެވިފައިވަނީ،  އެ އިބާރާތްތަކާއި ލަފްޒުތަކާ ގުޅިގެން، ތިރީގައި ދީފައިވާ މާނަކުރުމެވެ.

 (ހ) "ހަރަކާތްތެރި މާއްދާ" ކަމަށް ބުނެފައި އެވަނީ، ޕެސްޓިސައިޑްގައި ހިމެނޭ ގުދުރަތީގޮތުން ހަރަކާތްތެރި ބަޔަށެވެ.

 (ށ)  "ގަޑުބަޑުކޮށްފައިވާ ޕެސްޓިސައިޑް" ކަމަށް ބުނެފައި އެވަނީ، ތިރީގައިވާ ގޮތްތަކުންކުރެ ގޮތަކަށް އެއާމެދު ޢަމަލުކުރެވިފައިވާ ޕެސްޓިސައިޑަށެވެ.

  1. އޭގައި ހިމެނޭ މާއްދާއެއް އެކުގައި ނުވަތަ މާއްދާއެއްގެ ބައެއް އުނިކުރުން؛
  2. އޭގައި ހިމެނޭ ބާވަތެއް އެކުގައި ނުވަތަ އެއިން ބައެއް ބަދަލުކުރުން؛
  3. އޭގެ ބަރުދަން ނުވަތަ ބޮޑުމިން އިތުރުކުރުމަށް، ނުވަތަ އޭގެ ފެންވަރު ދަށްކުރުމަށް ނުވަތަ ބާރު ކުޑަކުރުމަށް، ނުވަތަ އޭގެ އަސްލު ފެންވަރަށްވުރެ ފެންވަރު މަތިކަމަށް ނުވަތަ އަސްލު އަގަށްވުރެ އަގުހުރި އެއްޗެއްކަމަށް ދެއްކުމުގެ ގޮތުން، އޭގެ ތެރެއަށް އެހެން ބާވަތެއް އިތުރުކުރުން ނުވަތަ އެއްކުރުން ނުވަތަ އެއާއެކު އެހެން ބާވަތެއް ބަންދުކުރުން؛
  4. އޭގެ ފެންވަރު ދަށްކަން ނުވަތަ ލިބިފައިވާ ގެއްލުން އެއްވެސް ގޮތަކުން ފޮރުވުން؛
  5. އޭގައި ހިމެނޭ އެއްވެސް ބާވަތެއް، ލޭބަލްގައި ބަޔާންކޮށްފައިވާ މިންވަރަށްވުރެ ނުވަތަ ގަވާއިދުގައި ހުއްދަ ދީފައިވާ މިންވަރަށްވުރެ އިތުރުކުރުން؛
  6. އޭގެ އަސްލަށް، ބާވަތަށް، ނުވަތަ ފެންވަރަށް އަސަރުކޮށްފައިވުން.

(ނ) "އިށްތިހާރުކުރުން" ކަމަށް ބުނެފައި އެވަނީ، ލިޔުމާއި، އިލެކްޓްރޯނިކް ވަސީލަތްތަކާއި، ނަންބޯޑާއި، ފެންނަގޮތަށް ބަހައްޓާ ތަކެއްޗާއި، ހަދިޔާއާއި، ދައްކާލާ ދައްކާލުމާއި، އެކަކު އަނެކަކު ގާތު ބުނާ ބުނުން މެދުވެރިކޮށް ޕެސްޓިސައިޑް ވިއްކުމާއި ބޭނުންކުރުން ކުރިއެރުވުމުގެ ގޮތުން ހިންގާ ހަރަކާތްތަކަށެވެ.

(ރ) "ވިޔަފާރީގައި ބޭނުންކުރާ ނަން" ކަމަށް ބުނެފައި އެވަނީ، ޓްރޭޑްމާކް ހިމެނޭގޮތުން، ޕެސްޓިސައިޑްގެ ވިޔަފާރިކުރުމަށް ބޭނުންކުރާ ނަމަށެވެ.

(ބ) "ފޯމިއުލޭށަން" ކަމަށް ބުނެފައި އެވަނީ، ޕެސްޓިސައިޑުން ފުދޭނެކަމަށް ބުނާ ބޭނުން ފުދޭގޮތަށް ޕެސްޓިސައިޑް ތައްޔާރުކުރުމަށްޓަކައި އެކި މާއްދާތައް އެއްކޮށްގެން ތައްޔާރުކުރެވިފައިވާ، އެ ޕެސްޓިސައިޑް ބަންދުކޮށްފައި ހުންނަ ގޮތަށެވެ.

(ޅ) "މައުލޫމާތު ކަރުދާސް" ކަމަށް ބުނެފައި އެވަނީ، ޕެސްޓިސައިޑްގެ ލޭބަލްގައި ހިމެނޭ މައުލޫމާތުގެ ތަފްސީލު ހިމެނޭ ކަރުދާހަށެވެ.

(ކ) "އިންސްޕެކްޓަރު" ކަމަށް ބުނެފައި އެވަނީ، ޕެސްޓިސައިޑް އިމްޕޯޓުކުރާ ގޮތާއި، އެކްސްޕޯޓުކުރާ ގޮތާއި، އުފައްދާ ގޮތާއި، ބަންދުކުރާ ގޮތާއި، އަލުން ބަންދުކުރާ ގޮތާއި، ލޭބަލްކުރާ ގޮތާއި، ރައްކާކުރާ ގޮތާއި، ވިއްކާ ގޮތާއި، ބޭނުންކުރާ ގޮތާއި، ނައްތާލާ ގޮތާއި، އެ މަސައްކަތްކުރާ ތަންތަން ބަލައި ފާސްކުރުމަށްޓަކައި   މި ގާނޫނުގެ ދަށުން ޢައްޔަންކުރެވޭ މުވައްޒަފުންނަށެވެ.

(އ) "އިންޓަގްރޭޓަޑް ޕެސްޓް މެނޭޖްމަންޓް" ކަމަށް ބުނެފައި އެވަނީ، ޕެސްޓް ކޮންޓްރޯލްކުރުމަށް ބޭނުންކުރެވިދާނެ އެންމެހައި ގޮތްތައް ފަރުވާތެރިކަމާއެކު ބަލައި އެއަށް ރިއާޔަތްކުރުމަށްފަހު، ޕެސްޓްގެ އާބާދީ އިތުރުވުމަށް ހުރަސްއެޅުމާއި، އިގްތިޞާދީގޮތުން ބަލައިގަނެވޭފަދަ މިންވަރެއްގައި ޕެސްޓްގެ އާބާދީއާއި ޕެސްޓިސައިޑާއި އެފަދަ އެހެނިހެން ތަކެތި ދެމެހެއްޓުމާއި، އިންސާނުންނާއި ޖަނަވާރުންގެ  ސިއްހަތާއި ތިމާވެއްޓަށް ކުރިމަތިވާ ނުރައްކާ ކުޑަކުރުމަށްޓަކައި އެކަށީގެންވާ މިންގަނޑުތަކުގެ ބޭނުންހިފުމަށެވެ.

(ވ) "ލޭބަލް" ކަމަށް ބުނެފައި އެވަނީ، ޕެސްޓިސައިޑްގައި ނުވަތަ ޕެސްޓިސައިޑް ބަންދުކޮށްފައި ހުންނަ ތަކެތީގައި، އަދި ރީޓެއިލްކޮށް ވިއްކާއިރު ބަންދުކުރުމަށް ބޭނުންކޮށްފައިވާ ތަކެތީގައި ހުންނަ ނުވަތަ ހަރުކުރެވިފައިވާ ލިޔުމާއި، ޕްރިންޓުކޮށްފައިވާ ތަކެއްޗާއި، ކުރެހުމަށެވެ.

(މ) "ހުއްދަ ދީފައިވާ ޕެސްޓިސައިޑްގެ ރަޖިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ޕެސްޓިސައިޑްގެ ގޮތުގައި އުފެއްދޭނެ، ބޭނުންކުރެވޭނެ، ވިއްކޭނެ އަދި ދިވެހިރާއްޖެއަށް އިމްޕޯޓުކުރެވޭނެ އަދި ދިވެހިރާއްޖެއިން އެކްސްޕޯޓުކުރެވޭނެކަމަށް މިނިސްޓަރު ހުއްދަ ދޭ ބާވަތްތަކުގެ ޕެސްޓިސައިޑާބެހޭ ރަޖިސްޓްރީއަށެވެ.

(ފ) "ތަކެތީގެ ރައްކާތެރިކަމުގެ މައުލޫމާތު ކަރުދާސް" ކަމަށް ބުނެފައި އެވަނީ، އުފެއްދުމެއްގެ ނުރައްކާތައް އެއެއްޗެއް ބޭނުންކުރާ ފަރާތްތަކަށް އަންގައިދިނުމަށް މުހިންމު ސިފަތަކާބެހޭ މައުލޫމާތު (މައިގަނޑު ގޮތެއްގައި އެ އުފެއްދުމުގައި ހިމެނޭ ބާވަތްތައް) ހިމެނޭ ކަރުދާހަށެވެ.

(ދ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ދަނޑުވެރިކަމާބެހޭ ކަންކަން ހިންގުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.

(ތ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ދަނޑުވެރިކަމާބެހޭ ކަންކަން ހިންގުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ލ) "ޕެސްޓް" ކަމަށް ބުނެފައި އެވަނީ، ކެއުމުގެ ބާވަތްތަކާއި ދަނޑުވެރިކަމުގެ އުފެއްދުންތައް ހެދިބޮޑުވުމަށް ހުރަސްއަޅާ ނުވަތަ އެ މަރުހަލާތަކުގައި ގެއްލުންދޭ، އިންސާނުންނަށް ނުވަތަ ޖަނަވާރުންނަށް ޖެހޭ ބަލި ފަތުރާ ތަކެއްޗާއި،  ވިހަ ބާވަތްތަކާއި ގަސްގަހާގެއްސާއި ޖަނަވާރު ހިމެނޭ ގޮތުންނެވެ.

(ގ) "ޕެސްޓިސައިޑް" ކަމަށް ބުނެފައި އެވަނީ، ދަނޑުވެރިކަމުގެ ބޭނުމަށް ޕެސްޓް ނައްތާލުމަށާއި ކޮންޓްރޯލްކުރުމަށްޓަކައި  ބޭނުންކުރުމަށް ކަނޑައަޅާފައިވާ އެއްވެސް ބާވަތެއް، ނުވަތަ ގިނަ ބާވަތްތަކެއް އެއްކޮށްގެން ހަދާފައިވާ ބާވަތްތަކަށެވެ.

(ޏ) "ޕްރީ-ހާވެސްޓް އިންޓަވަލް" ކަމަށް ބުނެފައި އެވަނީ، ދަނޑުވެރިކަމުގެ އުފެއްދުންތަކުގައި ޕެސްޓިސައިޑް ރެސިޑިއު ހަރުލާފައި ނުހުންނަގޮތަށް ހެދުމުގެ ގޮތުން، އެ ބާވަތްތައް ކެނޑުމާ ހަމައަށް ޕެސްޓިސައިޑް ބޭނުންނުކުރުމަށް ކަނޑައަޅާ މުއްދަތަށެވެ.

(ސ) "ރައްކާތެރިވުމަށް ބޭނުންކުރާ ތަކެތި" ކަމަށް ބުނެފައި އެވަނީ، ޕެސްޓިސައިޑް ގެންގުޅުމާއި އޭގެ ބޭނުން ހިފުމުގައި ޕެސްޓިސައިޑްގެ އަސަރުން އެކަށީގެންވާ މިންވަރަކަށް ރައްކާތެރިވުމަށްޓަކައި ބޭނުންވާ ޚާއް ސަ ހެދުމާއި، ތަކެއްޗާއި އާލަތަށެވެ.

(ޑ) "އަލުން ބަންދުކުރުން" ކަމަށް ބުނެފައި އެވަނީ، އަލުން ވިއްކުމަށްޓަކައި، ޕެސްޓިސައިޑް ގަތްއިރު ބަންދުކޮށްފައިވާ އެއްޗަކުން އެހެން ކޮންޓޭނަރަކަށް، (އާންމުކޮށް އެއަށްވުރެ ކުޑަ ކޮންޓޭނަރަކަށް) ހުއްދަ ދެވިފައިވާ ގޮތުގެމަތިން ބަދަލުކުރުމަށެވެ.

(ޒ)  "މެކްސިމަމް ރެސިޑިއު ލެވެލް" ކަމަށް ބުނެފައި އެވަނީ، ދަނޑުވެރިކަމުން އުފައްދާ ތަކެތީގައި ޕެސްޓިސައިޑްގެ އަސަރު ހުންނަންޖެހޭ އެންމެ މަތީ މިންވަރަށެވެ.

(ޓ)  "ޕެސްޓިސައިޑްގެ ކުނި" ކަމަށް ބުނެފައި އެވަނީ، ޕެސްޓިސައިޑްގެ އެއްވެސް މިންވަރެއް އެކުލެވޭ، ކުނީގެ ގޮތުގައި އުކާލާ އެއްވެސް ބާވަތްތަކަށެވެ.

(ޔ)  "ދަނޑުވެރިކަން" ކަމަށް ބުނެފައި އެވަނީ، ކެއުމަށްޓަކައި ބޭނުންކުރާ ގޮވާމާއި ތަރުކާރީއާއި މޭވާއާއި ގަސްގަހުން ލިބޭ އެހެނިހެން ތަކެތި ހެއްދުމާއި، ދަނޑުބިންތަކާއި، މީހުން ދިރިއުޅޭ ގޯތިތަކާއި، ދަނޑުވެރިކަމުގެ މަސައްކަތަށް ޚާއް ސަކޮށްގެން ހަދާފައިވާ ހިޔާވަހިތަކުގައި ގޮވާމާއި، މޭވާއާއި، ތަރުކާރީއާއި، ފަތްޕިލާވެއްޔާއި، މަށްރޫމް އަދި ގަސްފަދަ ބާވަތްތައް އިންދާ ހެއްދުމާއި، މަހާއި ބިހުގެ ބޭނުމަށް ޖަނަވާރު ގެންގުޅެ ބޮޑު ކުރުމާއި، އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތަކުގެ އަގު އިތުރުކުރުމުގެ ގޮތުން ޕްރޮސެސްކޮށް ޕެކޭޖްކުރުމާއި، އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތައް ވިއްކުމާއި، ދަނޑުވެރިކަމުގެ މަސައްކަތަށް ބޭނުންވާނެ ގަސްކާނާއާއި ގަހަށްޖަހާ ބޭހާއި އާލަތްތައް ގަނެ ވިއްކުމާއި، ޖަނަވާރާއި ގަސްގަހާގެހީގެ  ސިއްހަތައް ދިމާވާ ބަޔޮލޮޖިކަލް ނުރައްކާތައް ކޮންޓްރޯލްކުރުމާއި، ލައިވް ސްޓޮކް ސެނިޓަރީއާއި ފައިޓޯސެނިޓަރީ މިންގަނޑު ހިފެހެއްޓުމަށް ކުރެވޭ މަސައްކަތްތަކާއި، އެކުއަކަލްޗަރކުރުން ފަދަ ފެނުގެ ދިރުންހުރި ވަސީލަތްތައް ވިއްސައި، ދިރުވައި، އާލާކުރުން ހިމެނޭގޮތުންނެވެ.

(ޕ)   "އެކުއަކަލްޗަރކުރުން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ސަރަހައްދުގައި އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގެ ތެރޭގައި، ފެނުގެ ދިރުންހުރި ވަސީލަތްތައް ވިއްސައި، ދިރުވައި، އާލާކޮށް، ގެންގުޅެ ބޮޑުކުރުމަށެވެ.

(ޖ)   "ދަނޑުވެރިކަމުގެ އުފެއްދުން" ކަމަށް ބުނެފައި އެވަނީ، ދަނޑުވެރިކަން ކޮށްގެން އުފައްދާ ތަކެއްޗާއި، އެކުއަކަލްޗަރކުރާ ތަނެއްގައި ނުވަތަ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އާލާކުރަމުންގެންދާ ނުވަތަ އާލާކޮށްފައިވާ ދިރޭ ނުވަތަ މަރުވެފައިވާ މަސް ނުވަތަ މަހާއި ގުޅިފައިވާ ބަޔަށެވެ.

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލްކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-12)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު