ގާނޫނު ނަންބަރު 2019-12 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު)
(ގާނޫނު ނަންބަރު 2019-12)
(މި ގާނޫނުގެ 55 ވަނަ މާއްދާއިން ވަނީ "ގާނޫނު ނަންބަރު 1979-27" އުވާލެވިފައި)
އެއްވަނަ ބާބު
ފެށުން
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) "މިއީ، ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ކަނޑައެޅުމާއި، ސަގާފީ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމާއި، ކަމާގުޅޭ ގޮތުން ދައުލަތާއި ފަރުދުންގެ ޒިންމާތައް ކަނޑައެޅުމާއި، ސަގާފީ ތަރިކައަށް ގެއްލުން ލިބޭފަދަ ގޮތަށް ހިންގާ އަމަލުތަކަކީ ކުށުގެ ގޮތުގައި ބަޔާންކޮށް އެއަށް އަދަބު ކަނޑައެޅުމާއި، ދިވެހިރާއްޖޭގެ ސަގާފީ ތަރިކައާބެހޭ ދިރާސާތައް ކުރުމާއި، ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކޮށް ބެލެހެއްޓުމާ ގުޅޭ އެނޫންވެސް އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.
(ށ) މި ގާނޫނަށް ކިޔާނީ "ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު" އެވެ.
2 ވަނަ މާއްދާ - މަގްސަދު
މި ގާނޫނުގެ މަގްސަދުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ މިހާރުގެ ޖީލުތަކަށާއި އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށްޓަކައި، ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ދެނެގަނެ، ސަގާފަތް ދިރުވައި އާލާކޮށް، އެ ތަކެތި ގިންތިކޮށް ދަފްތަރުކުރުމާ ގުޅޭ އުސޫލުތައް ބަޔާންކުރުން؛
(ށ) ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމާ ގުޅޭ އުސޫލުތައް ކަނޑައެޅުން؛
(ނ) ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމުގައި އެކިއެކި ފަރާތްތަކުގެ ޒިންމާތައް ބަޔާންކުރުން؛
(ރ) ހެރިޓޭޖް ޓްރަސްޓް ފަންޑު ގާއިމުކޮށް ހިންގުމާބެހޭ އުސޫލުތައް ބަޔާންކުރުން؛
(ބ) ގާނޫނުގެ ދަށުން ކުށުގެ ގޮތުގައި ބަޔާންކުރާ ކަންކަމާއި، އެ ކުށްތަކަށް އަދަބު ކަނޑައެޅުމާ ގުޅޭ އުސޫލުތައް ބަޔާންކުރުން.
ދެވަނަ ބާބު
މަފްހޫމްތަކުގެ ރަދީފު
3 ވަނަ މާއްދާ - މަފްހޫމްތަކުގެ އަސާސް
މި ގާނޫނުގެ 4 ވަނަ މާއްދާއިން ފެށިގެން 11 ވަނަ މާއްދާގެ ނިޔަލަށް ބަޔާންވެގެންވާ އިބާރާތްތަކަކީ، މި ގާނޫނު ބިނާވެގެންވާ މައިގަނޑު މަފްހޫމްތަކެވެ. އެ މަފްހޫމްތައް އެ މާއްދާތަކުގައި ބަޔާންކޮށްފައި އެވަނީ މި ގާނޫނުގެ އަސްލު އެގޮތުގައި ދެމެހެއްޓުމަށާއި، މި ގާނޫނުގެ މަގްސަދު އެންމެ ފުޅާ މިނުގައި ހާޞިލުކުރުމަށް މަގުފަހިކުރުމުގެ ބޭނުމުގައެވެ. މި ގާނޫނުގެ ހަމަ ކޮންމެ މާއްދާއެއްވެސް މާނަކުރަންވާނީ، އެ މަފްހޫމްތަކަށް ހަނިކަމެއް ނާންނާނެ ގޮތުގެމަތިންނެވެ.
4 ވަނަ މާއްދާ - ސަގާފީ ތަރިކަ
"ސަގާފީ ތަރިކަ" ކަމަށް ބުނެފައި އެވަނީ، ދިވެހިންގެ އާދަކާދައާއި، މާޒީއާއި ތާރީޚާ ގުޅިފައިވުމުގެ ސަބަބުން ދިވެހިރާއްޖެއަށް މުހިންމު ކަންކަމާއި، ތަކެއްޗާއި، ބިނާތަކާއި ސަރަހައްދުތަކަށެވެ. މި މާނައިގެ ތެރޭގައި އަންނަނިވި ބާވަތްތަކުގެ ތަރިކަ ހިމެނެއެވެ.
(ހ) އުފުލޭ ސަގާފީ ތަރިކަ؛
(ށ) އާސާރީ ބިނާތައް؛
(ނ) އާސާރީ ސަރަހައްދުތައް؛ އަދި
(ރ) މައުނަވީ ސަގާފީ ތަރިކަ.
5 ވަނަ މާއްދާ - އުފުލޭ ސަގާފީ ތަރިކަ
"އުފުލޭ ސަގާފީ ތަރިކަ" ކަމަށް ބުނެފައި އެވަނީ، ދިވެހިންގެ މާޒީއާއި، ސަގާފަތާއި، ތާރީޚާއި އާދަކާދައާ ގުޅިފައިވުމުގެ ސަބަބުން ދިވެހިރާއްޖެއަށް މުހިންމު ތަކެއްޗާއި، އިޖްތިމާއީ، އަދަބީ، ފަންނީ، ތާރީހީ ނުވަތަ އާކިއޮލޮޖިކަލް ގޮތުން ބަލާއިރު އަންނަނިވި ބައިތަކުގެ ތެރޭގައި ހިމެނޭ އުފުލޭ ތަކެއްޗެވެ.
(ހ) ދިވެހިރާއްޖޭގެ ސަރަހައްދުގެ ބިމުގެ އަޑިން ނުވަތަ ކަނޑުގެ އަޑިން ނުވަތަ އެ ކަނޑުގެ އަޑީގައިވާ ބިމުން ނުވަތަ އެ ބިމުގެ އަޑިން ފެންނަ ތަކެތި؛
(ށ) ދިވެހިރާއްޖޭގައި ކުރީގައި ދިރިއުޅުނު ބަޔަކަށް ނިސްބަތްކުރެވޭ އެ ބައެއްގެ އާދަކާދައާއި ސަގާފަތުގެ އަސަރު ދައްކުވައިދޭ ތަކެތި؛
(ނ) ސަގާފަތާއި ތާރީޚާ ގުޅިފައިވާ ފަންނީ، އަސްކަރީ ނުވަތަ އިޖްތިމާއީ ގޮތުން ފާހަގަކޮށްލެވޭ ތަކެއްޗާއި، އެގޮތުން ފާހަގަކޮށްލެވޭ ފަރާތްތަކާއި، ގައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ސިޔާސީ ލީޑަރުންނާއި، އިލްމުވެރިންނާއި، ތަޖުރިބާކާރުންނަށް ނިސްބަތްކުރެވޭ ތަކެއްޗާއި، ގައުމީ އެކިއެކި ހާދިސާތަކަށާއި ޒަމާންތަކަށް ނިސްބަތްކުރެވޭ ތަކެތި؛
(ރ) ފަންނުވެރިކަމުގެ ގޮތުން ފާހަގަކޮށްލެވޭ ތަސްވީރުތަކާއި، ކުރެހުންތަކާއި އަތްތެރި މަސައްކަތުގެ ފަންނުވެރިކަން ދައްކުވައިދޭ މައުދަނީ ހިލަ އަދި ގާ ފަދަ ތަކެތިން ތައްޔާރުކޮށްފައިވާ ތަކެތި؛
(ބ) އެކިއެކި ތަކެތީގައި ލިޔެ ރައްކާކޮށްފައިވާ ލިޔެކިޔުންތައް؛
(ޅ) ފަރުނީޗަރާއި، މިއުޒިކު ކުޅޭ ސާމާނާއި ގެވެހި ކަންވާރު ފަދަ ހިފައިގެންގުޅޭ ތަކެތި؛
(ކ) އޯޑިއޯއާއި ވީޑިއޯއާ ގުޅިފައިވާ އެނަލޮގް އަދި ޑިޖިޓަލް ތަކެތި.
6 ވަނަ މާއްދާ - އާސާރީ ބިނާ
"އާސާރީ ބިނާ" ކަމަށް ބުނެފައި އެވަނީ، ސަގާފަތާއި، ތާރީޚާއި، އާދަކާދައާ ގުޅިފައިވާ ބިނާކުރުމުގެ ފަންނުވެރިކަން ދައްކުވައިދޭ ނުވަތަ އެ ބިނާއެއް ނުވަތަ އިމާރާތެއްގެ ބާވަތުން، އެއަށް ދެވިފައިވާ ދަރަޖައެއްގެ ސަބަބުން، ތާރީހީ ނުވަތަ އިލްމީ ނުވަތަ ފަންނުވެރިކަމުގެ ގޮތުން ފާހަގަކޮށްލެވޭ ބިނާތަކާއި އިމާރާތްތަކަށެވެ.
7 ވަނަ މާއްދާ - އާސާރީ ސަރަހައްދު
"އާސާރީ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، ސަގާފަތާއި، ތާރީޚާއި، އާދަކާދައާ ގުޅިފައިވާ ބިނާކުރުމުގެ ފަންނުވެރިކަން ދައްކުވައިދޭ ނުވަތަ އެ ބިނާއެއް ނުވަތަ އިމާރާތެއްގެ ބާވަތުން، އެއަށް ދެވިފައިވާ ދަރަޖައެއްގެ ސަބަބުން، ތާރީހީ ނުވަތަ އިލްމީ ނުވަތަ ފަންނުވެރިކަމުގެ ގޮތުން ފާހަގަކޮށްލެވޭ ބިނާތަކާއި، އިމާރާތްތަކާއި، އިންސާނީ މަސައްކަތްތެރިކަމުގެ ސަބަބުން ސަގާފީ ގޮތުން ނުވަތަ އިންސާނީ އަދި ގުދުރަތީ އަސަރުގެ ސަބަބުން ފާހަގަކޮށްލެވޭ ސަރަހައްދުތަކަށާއި އާކިއޮލޮޖިކަލް ސައިޓްތަކަށެވެ.
8 ވަނަ މާއްދާ - މައުނަވީ ސަގާފީ ތަރިކަ
"މައުނަވީ ސަގާފީ ތަރިކަ" ކަމަށް ބުނެފައި އެވަނީ، ޖީލުން ޖީލަށް ނަގުލުވަމުން އައިސްފައިވާ މާޒީއާ ނުވަތަ ތާރީޚާ ގުޅިފައިވާ އާދަކާދައާއި، ބަހާއި، މިހާރު ނެތިގޮސްފައިވީ ނަމަވެސް، މާޒީއާ ނުވަތަ ތާރީޚާ ގުޅިފައިވާކަމަށް ބެލެވޭ އާދަކާދަތަކާއި އިލްމާއި ހުނަރަށެވެ. މައުނަވީ ސަގާފީ ތަރިކަ ދެނެގަނެވޭނީ އަންނަނިވި ކަންކަމާއި ތަކެތިންނެވެ.
(ހ) ދިވެހި އާދަކާދަތަކުންނާއި، ދިވެހި ބަހުންނާއި ދިވެހި ބަހުގެ ބަހުރުވަތަކުންނާއި، ދިވެހި އަދަބިއްޔާތުންނާއި ދިވެހިންގެ އަކުރުން؛
(ށ) ނަގުލުވަމުން އައިސްފައިވާ އުރުފުތަކުންނާއި އާދަކާދަތަކުން؛
(ނ) ކުޅިވަރުންނާއި، ތަމްސީލުންނާއި، ނެށުމުންނާއި، ޅެންވެރިކަމުންނާއި، މިއުޒިކުންނާއި ފިލްމުތަކުންނާއި، ކުރެހުމުންނާއި، ފަންނުވެރިކަމުންނާއި ފޮތްތަކުން؛
(ރ) އިޖްތިމާއީ އަދި ދީނީ އަގީދާއާ ގުޅިފައިވާ ނުވަތަ ގުޅިފައިވި އާދަކާދަތަކުންނާއި ފާހަގަކުރުންތަކުން؛
(ބ) ދިރިއުޅުމާ ނުވަތަ ގުދުރަތީ ކަންކަމާ ގުޅިފައިވާ އިލްމުންނާއި އާދަތަކުން؛
(ޅ) މަސައްކަތްތެރިކަމުން.
9 ވަނަ މާއްދާ - މައުނަވީ ސަގާފީ ތަރިކައިގެ އުންސުރު
"މައުނަވީ ސަގާފީ ތަރިކައިގެ އުންސުރު" ކަމަށް ބުނެފައި އެވަނީ، ޖީލުން ޖީލަށް ނަގުލުވަމުން އައިސްފައިވާ މާޒީއާ ނުވަތަ ތާރީޚާ ގުޅިފައިވާ އާދަކާދައާއި، މިހާރު ނެތިގޮސްފައި ވީނަމަވެސް، މާޒީއާ ނުވަތަ ތާރީޚާ ގުޅިފައިވާކަމަށް ބެލެވޭ އާދަކާދަތަކާއި، އިލްމާއި ހުނަރުތަކާ ގުޅިފައިވާ ފަރާތްތަކާއި، އާލާތްތަކާއި، ސާމާނާއި ލިޔެކިޔުމަށެވެ.
10 ވަނަ މާއްދާ - ފާހަގަކުރެވޭ ސަގާފީ އަގު
"ފާހަގަކުރެވޭ ސަގާފީ އަގު" ކަމަށް ބުނެފައި އެވަނީ، ވަކި އެއްޗަކަށް ދެވިފައިވާ ސަގާފީ ނުވަތަ ތާރީހީ އަހުމިއްޔަތުގެ ސަބަބުން، އެ އެއްޗެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ރައްކާކުރުމަށާއި، މިހާރުގެ ޖީލުތަކަށާއި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މިންވަރަށެވެ.
11 ވަނަ މާއްދާ - ހިމާޔަތްކުރެވިފައިވާ ސަރަހައްދު
"ހިމާޔަތްކުރެވިފައިވާ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން އާސާރީ ބިނާއެއްގެ ނުވަތަ އާސާރީ ސަރަހައްދެއްގެ އިމުގެ ވަށައިގެން ކަނޑައެޅޭ ސަރަހައްދަށެވެ.
ތިންވަނަ ބާބު
ގާނޫނު ހިންގުން
12 ވަނަ މާއްދާ - ސިޔާސަތު ކަނޑައެޅުން
މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ސަގާފީ ތަރިކަ ރައްކާތެރިކުރުމާއި ބެލެހެއްޓުމާ ގުޅޭ އެންމެހައި ސިޔާސަތުތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާގެ ލަފާގެމަތިން ވަޒީރެވެ.
13 ވަނަ މާއްދާ - ވަޒީރުގެ މަސްއޫލިއްޔަތުތައް
(ހ) ސަގާފީ ތަރިކައިގެ ގޮތުގައި ތަކެއްޗާއި، ތަންތަނާއި، ބިނާތަކާއި ސަރަހައްދުތައް ކަނޑައެޅުމާގުޅޭ ސިޔާސަތުތައް ކަނޑައެޅުން؛
(ށ) ސަގާފީ ތަރިކައިގެ ގޮތުގައި ކަނޑައެޅޭ ތަކެއްޗާއި، ތަންތަނާއި، ބިނާތަކާއި ސަރަހައްދުތައް ރައްކާތެރިކުރުމާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުން؛
(ނ) މި ގާނޫނުގެ ދަށުން ދައުލަތަށް ނެގޭ ބިންތަކަށް ބަދަލުދިނުމުގައި އަމަލުކުރާނެ ސިޔާސަތުތައް ކަނޑައެޅުން؛
(ރ) ގާނޫނު ތަންފީޒުކުރެވެމުންދޭތޯ ކަށަވަރުކުރުން؛
(ބ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހެދުން؛
(ޅ) ވުޒާރާއާއި ވުޒާރާގެ ދަށުން ހިންގާ އިދާރާތަކުގެ މަސްއޫލިއްޔަތު އަދާކުރޭތޯ ކަށަވަރުކުރުން؛
(ކ) ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ތަރިކައާބެހޭ ބައިނަލްއަގްވާމީ އެކިއެކި މުއާހަދާތަކާއި އެއްބަސްވުންތައް ތަންފީޒުކުރުން؛
(އ) މަރުކަޒުގެ މަސައްކަތްތަކާ ގުޅޭގޮތުން ވަޒީރަށް ލަފާދޭ ކޮމިޓީތައް އުފެއްދުން.
14 ވަނަ މާއްދާ - ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒު
(ހ) ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ ގޮތުން މި ގާނޫނުގައި ބަޔާންކުރާ މަސައްކަތްތައް ކުރުމަށްޓަކައި، "ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒު" ގެ ނަމުގައި މަރުކަޒެއް ހުންނަންވާނެއެވެ. އެ މަރުކަޒަށް އިނގިރޭސި ބަހުން ކިޔާނީ، "ނޭށަނަލް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖް" އެވެ.
(ށ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ކުރިން "ޑިޕާޓްމަންޓް އޮފް ހެރިޓޭޖް" ގެ ނަމުގައި ހިނގަމުންއައި ޑިޕާޓްމަންޓްގެ ނަން، "ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒު" އަށް ބަދަލުވީއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބުނެފައިވާ މަރުކަޒު އުފެދުމާއެކު، ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ ހުރިހާ މުވައްޒަފުންނާއި، މަސައްކަތްތަކާއި، އެ ޑިޕާޓްމަންޓްގެ ހުރިހާ ވަސީލަތްތަކާއި، އެންމެހައި މާލީ އަދި މަދަނީ ޒިންމާތަކާއި ހައްގުތައް، މި ގާނޫނުގެ ދަށުން އުފައްދާ ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒަށް އެހިނދުން ފެށިގެން ބަދަލުވީއެވެ.
(ރ) މި މާއްދާގެ (ހ) ގައި ބުނެފައިވާ މަރުކަޒުގެ މުވައްޒަފުންނަކީ ސިވިލް ސަރވިސްގެ މުވައްޒަފުންނެވެ. ނަމަވެސް، އެކިއެކި ކަންކަމަށް ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
15 ވަނަ މާއްދާ - މަރުކަޒުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް
މަރުކަޒުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ތިރީގައި އެވަނީއެވެ.
(ހ) ސަގާފީ ތަރިކަ ކަނޑައެޅުމުގައި ފުރިހަމަވާންޖެހޭ ށަރުތުތައް ކަނޑައަޅައި އާންމުކުރުން؛
(ށ) ސަގާފީ ތަރިކަ ގިންތިކޮށް، ސަގާފީ ތަރިކައިގެ ދަފްތަރެއް އެކުލަވާލައި، އަދާހަމަކޮށް ބެލެހެއްޓުން؛
(ނ) ގައުމީ ތަރިކައިގެ ހާލަތާއި، އެފަދަ ތަރިކަ ރައްކާތެރިކޮށް ބެލެހެއްޓުމާ ގުޅޭގޮތުން ލޯކަލް ކައުންސިލްތަކަށް އިރުށާދު ދިނުން؛
(ރ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ސަގާފީ ތަރިކަ ދެމެހެއްޓެނިވި ގޮތަކަށް އާބާތުރަފިލުވައި، އެފަދަ ތަރިކަ ބަލަހައްޓައި، ރައްކާތެރިކޮށް ޒަމާންތަކަށް ދަމަހައްޓާނެ ނިޒާމެއް ގާއިމުކުރުން؛
(ބ) މި ގާނޫނު ތަންފީޒުކުރުމަށްޓަކައި ލޯކަލް ކައުންސިލްތަކާއި އެނޫންވެސް ކަމާބެހޭ އިދާރާތަކަށް ސަގާފީ ތަރިކަ ބަލަހައްޓާނެ ގޮތުގެ އިރުށާދު ދިނުން؛
(ޅ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ މަސައްކަތްކުރާ ފަރާތްތަކުގެ ށަރުތުތައް ކަނޑައެޅުން؛
(ކ) ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ތަރިކައާބެހޭ ބައިނަލްއަގްވާމީ އެކިއެކި މުއާހަދާތަކާއި އެއްބަސްވުންތައް ތަންފީޒުކުރެވެމުންދޭތޯ ބެލުމުގައި ވަޒީރަށް ލަފާދިނުން؛
(އ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ސަގާފީ ތަރިކަ ބަލަހައްޓަމުންދޭތޯ ބަލައި، މޮނިޓަރކުރުން؛
(ވ) ދިވެހިރާއްޖޭގެ ސަގާފީ ތަރިކައަށް ގެއްލުންދޭ ފަރާތްތަކާއި، އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމާ ގުޅޭގޮތުން ވުޒާރާއިން ކަނޑައަޅާ ގަވާއިދުތަކާއި އުސޫލުތައް ތަންފީޒުކުރުން.
(މ) ދިވެހިރާއްޖޭގެ ސަގާފީ ތަރިކައަށް ކޮށްފާނެ އަސަރު ބެލުމަށްޓަކައި ހަދަންޖެހޭ އެސެސްމަންޓް ހެދުމާގުޅޭ އުސޫލުތައް ކަނޑައެޅުން؛
(ފ) ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ހޯދުމަށް ދިވެހިރާއްޖޭގެ ސަރަހައްދު ބެލުމާއި، އެފަދަ ދިރާސާތައް ކުރާ ފަރާތްތަކަށް ހުއްދަ ދިނުމާއި، އެ މަސައްކަތް ކުރަމުންދާ ގޮތް ބެލުން؛
(ދ) ދިވެހިރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ހުރި ސަގާފީ ތަރިކަ، ސައިންސްގެ ހަމަތަކުގެމަތިން ހޯދައި ބަލައި ދިރާސާކުރުމާއި، އެފަދަ ދިރާސާތައް ކުރުމަށް ހިތްވަރުދީ، އެހީތެރިކަން ފޯރުކޮށްދިނުން؛
(ތ) ސަގާފީ ތަރިކައާ ގުޅޭގޮތުން އެއްކުރެވޭ މައުލޫމާތު، ރައްކާތެރި ނިޒާމެއްގެ ތެރެއިން ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ބެލެހެއްޓުން؛
(ލ) ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން މަރުކަޒުން ފޯރުކޮށްދޭ ޚިދުމަތްތަކަށް އަގު ނެގުން؛
(ގ) މަރުކަޒުގެ މަސައްކަތްތައް ހިންގުމަށްޓަކައި އެކިއެކި ކޮމިޓީތައް ހެދުން؛
(ޏ) ދިވެހިރާއްޖޭގެ ތަރިކައާ ގުޅޭގޮތުންނާއި ދިވެހިންގެ އާދަކާދައާ ގުޅޭގޮތުން ހޯދުންތައް ހޯދައި، ދިރާސާތައްކޮށް، އެ މައުލޫމާތު އާންމުކުރުން؛
(ސ) ހެރިޓޭޖް ޓްރަސްޓް ފަންޑު ހިންގުން؛
(ޑ) ސަގާފީ ތަރިކަ ރައްކާތެރިކުރުމާ ގުޅޭ ކަންކަމުގައި އާންމުންގެ މަށްވަރާއާއި ޚިޔާލު ހޯދައި، ހޭލުންތެރިކުރުމުގެ ހަރަކާތްތައް ހިންގުން؛
(ޒ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ސަގާފީ ތަރިކަ ހިމެނޭ ތަންތަނާއި، ބިނާތަކާއި ސަރަހައްދުތައް އާންމުންނަށް ހުޅުވާލުމާ ގުޅޭ ކަންކަން ހަމަޖެއްސުން
(ޓ) ދިވެހިރާއްޖޭގެ ސަގާފީ ތަރިކައަށް ގެއްލުންދޭ ފަރާތްތަކާއި އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުން.
16 ވަނަ މާއްދާ - ބަޖެޓާއި ވަސީލަތްތައް
މަރުކަޒު ހިންގާނެ ބަޖެޓާއި ވަސީލަތްތައް ދައުލަތުގެ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ.
17 ވަނަ މާއްދާ - ކޮމިޓީ އުފެއްދުން
މި ގާނޫނުގެ ދަށުން އުފައްދާ ކޮމިޓީތައް އުފައްދާ ބޭނުންތަކާއި، އެ ކޮމިޓީތަކުގެ ހިންގުމާ ގުޅޭ އެންމެހައި އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.
ހަތަރުވަނަ ބާބު
ހެރިޓޭޖް ޓްރަސްޓް ފަންޑު
18 ވަނަ މާއްދާ - ހެރިޓޭޖް ޓްރަސްޓް ފަންޑު
(ހ) ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކޮށް ބެލެހެއްޓުމަށް ކުރެވޭ ކަންކަމަށް ހަރަދުކުރުމަށް ގާއިމުކުރެވިފައިވާ ހެރިޓޭޖް ޓްރަސްޓް ފަންޑެއް އޮންނަންވާނެއެވެ.
(ށ)
މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ ދަށުން ހިނގަމުންއައި "ހެރިޓޭޖް ޓްރަސްޓް ފަންޑު"، މި ގާނޫނުގެ ދަށުން އުފައްދާ "ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒު" ގެ ދަށަށް ބަދަލުވީއެވެ.
19 ވަނަ މާއްދާ - ފަންޑަށް ޖަމާކުރެވޭ ފައިސާ
ފަންޑުގެ ރައުސުލްމާލު އެކުލެވިގެންވަނީ އަންނަނިވި މާލީ މަންފާތަކުގެ މައްޗަށެވެ.
(ހ) ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގެ ފަރާތްތަކުން ދޭ ހިލޭ އެހީއާއި، ވަގުފާއި ހަދިޔާ؛
(ށ) އެހީ ހޯދުމަށް ހިންގޭ ހަރަކާތްތަކުން ލިބޭ ފައިސާ؛
(ނ) މި ގާނޫނުގެ ދަށުން މަރުކަޒުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ނަގާ ފީގެ ފައިސާ؛
(ރ) ގައުމީ ދާރުލްއާސާރުތަކާއި އެނޫންވެސް ސަގާފީ ތަރިކަކަމުގައި ކަނޑައަޅާފައިވާ ތަންތަނަށް އާންމުން ވަނުމަށް ނަގާ ފީގެ ފައިސާ؛
(ބ) ފަންޑުން ގާއިމުކުރާ އިންވެސްޓްމަންޓްތަކުން ލިބޭ ފައިސާ؛
(ޅ) ސަގާފީ ތަރިކަ ރައްކާތެރިކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކަށް ހޯދޭ ފައިސާ؛
(ކ) ދައުލަތުގެ މާލިއްޔަތުން ސަގާފީ ތަރިކަ ރައްކާތެރިކުރުމަށްޓަކައި ކަނޑައެޅޭ ފައިސާ.
20 ވަނަ މާއްދާ - ފަންޑުގެ ފައިސާ ބޭނުންކުރުން
އަންނަނިވި ކަންކަން ކުރުމަށް ފަންޑުގެ ފައިސާ ބޭނުންކުރެވިދާނެއެވެ.
(ހ) މި ގާނޫނުގެ ދަށުން ދަފްތަރުކުރެވިފައިވާ މާއްދީ އަދި މައުނަވީ ތަރިކަ ރައްކާތެރިކުރުމަށް ކުއްލި ހާލަތުގައި ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުން؛
(ށ) މާއްދީ އަދި މައުނަވީ ތަރިކަ ރައްކާތެރިކުރުމަށްޓަކައި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުން؛
(ނ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ތަރިކަ ރައްކާތެރިކުރުމާބެހޭ ހަރަކާތްތަކާއި، ތައުލީމާއި، ތަމްރީނުތަކާއި، ދިރާސާތަކާއި، ސަރވޭތަކާއި ލިޔެކިޔުންތައް ތައްޔާރުކުރުން.
21 ވަނަ މާއްދާ - ފަންޑުގެ ފައިސާ އިންވެސްޓްކުރުން
މަރުކަޒަށް މަންފާ ހޯދުމަށްޓަކައި ފަންޑުގެ ފައިސާ އިންވެސްޓްކުރެވިދާނެއެވެ. މިގޮތުން އިންވެސްޓްކުރާނެ މިންވަރާއި އިންވެސްޓްކުރާނެ ދާއިރާތައް ކަނޑައަޅާނީ މި ގާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކުރާ ފަންޑުގެ ބޯޑުންނެވެ.
22 ވަނަ މާއްދާ - ފަންޑުގެ ބޯޑާއި އިދާރީ ހިންގުން
(ހ) ފަންޑުގެ ބޯޑު އެކުލެވިގެންވަނީ ފަންޑުގެ ޓްރަސްޓް ސްޓޭޓްމަންޓާ އެއްގޮތަށް އައްޔަންކުރެވޭ، އަންނަނިވި 9 (ނުވައެއް) މެންބަރުންގެ މައްޗަށެވެ.
- ސަގާފީ ތަރިކައިގެ ކަންކަމަށް ޒިންމާވާ ވުޒާރާގެ ވަޒީރު؛
- ސަގާފީ ތަރިކައިގެ ކަންކަމަށް ޒިންމާވާ ވުޒާރާގެ ވަޒީރު އައްޔަންކުރާ 2 (ދޭއް) މެންބަރުން؛
- މާލީ ކަންކަމަށް ޒިންމާވާ ވުޒާރާއިން ކަނޑައަޅާ ފަރާތެއް؛
- ތިމާވެށީގެ ކަންކަމަށް ޒިންމާވާ ވުޒާރާއިން ކަނޑައަޅާ ފަރާތެއް؛
- ފަތުރުވެރިކަމާގުޅޭ ކަންކަމަށް ޒިންމާވާ ވުޒާރާއިން ކަނޑައަޅާ ފަރާތެއް؛
- ތައުލީމާގުޅޭ ކަންކަމަށް ޒިންމާވާ ވުޒާރާއިން ކަނޑައަޅާ ފަރާތެއް؛
- ދީނީ ކަންކަމަށް ޒިންމާވާ ވުޒާރާއިން ކަނޑައަޅާ ފަރާތެއް؛
- ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކަނޑައަޅާ ފަރާތެއް.
(ށ) ފަންޑުގެ ބޯޑުގެ ހިންގާ ގަވާއިދެއް މި ގާނޫނަށް އަމަލުކުރަން ފަށާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި، ވަޒީރު އެކުލަވާލައި އާންމުކުރަންވާނެއެވެ.
(ނ) ފަންޑުގެ އިދާރީ ކަންކަން ބަލަހައްޓާނީ މި ގާނޫނުގެ ދަށުން އުފެދޭ "ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒު" އިންނެވެ.
(ރ) ކޮންމެ މާލީ އަހަރަކު، ހެރިޓޭޖް ޓްރަސްޓް ފަންޑު އޮޑިޓަރ ޖެނެރަލް އޮޑިޓްކޮށް، އޮޑިޓް ރިޕޯޓު ރައްޔިތުންގެ މަޖިލީހަށް އޮޑިޓަރ ޖެނެރަލް ހުށަހަޅަންވާނެއެވެ.
(ބ) ކޮންމެ މީލާދީ އަހަރެއް ނިމުމުން އެ އަހަރަކު ފަންޑު ހިންގިގޮތުގެ އަހަރީ ރިޕޯޓު ތައްޔާރުކޮށް، ކޮންމެ މާލީ އަހަރެއް ނިމޭތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ވަޒީރު ހުށަހަޅަންވާނެއެވެ.
ފަސްވަނަ ބާބު
ސަގާފީ ތަރިކަ ދަފްތަރުކުރުމާއި ގިންތިކުރުން
23 ވަނަ މާއްދާ - ސަގާފީ ތަރިކަ ދަފްތަރުކުރުމާއި ގިންތިކުރުން
(ހ) މި ގާނޫނުގެ ދަށުން ރައްކާތެރިކުރެވޭ އުފުލޭ ސަގާފީ ތަރިކައާއި، އާސާރީ ބިނާތަކާއި، އާސާރީ ސަރަހައްދުތަކާއި މައުނަވީ ސަގާފީ ތަރިކައިގެ މައްޗަށް އެކުލެވޭ ދަފްތަރުތަކެއް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން މަރުކަޒުން ބަލަހައްޓައި އާންމު ކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ދަފްތަރުތައް ކޮންމެ 2 (ދޭއް) އަހަރުން 1 (އެކެއް) ފަހަރު މުރާޖައާކޮށް، ދަފްތަރަށް އަންނަ ބަދަލުތައް އާންމު ކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) އާ އެއްގޮތްވާ ގޮތުގެމަތިން ގައުމީ ފެންވަރު، އަތޮޅު ފެންވަރު އަދި ރަށު ފެންވަރުގައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ސަގާފީ ތަރިކަ ގިންތިކުރެވިދާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ސަގާފީ ތަރިކަ ދަފްތަރުކުރުމަށް ނުވަތަ ގިންތިކުރުމަށް އެދި ލޯކަލް ކައުންސިލްތަކުން މަރުކަޒަށް ހުށަހެޅިދާނެއެވެ.
24 ވަނަ މާއްދާ - އުފުލޭ މުދަލުގެ ގޮތުގައިހުރި ސަގާފީ ތަރިކަ ދަފްތަރުކުރުން
(ހ) އުފުލޭ ސަގާފީ ތަރިކައިގެ ދަފްތަރުގައި އެއްވެސް އެއްޗެއް ހިމެނޭނީ މި އަކުރުގެ 1 ވަނަ ނަންބަރު ނުވަތަ 2 ވަނަ ނަންބަރުގައި ހިމެނޭ ށަރުތެއް ފުރިހަމަވާނަމައެވެ.
- އެ އެއްޗަކީ ފާހަގަކުރެވޭ ސަގާފީ އަގެއް ހުރި އަދި އެ އެއްޗެއް އުފެއްދި ފަހުން 75 (ހަތްދިހަ ފަހެއް) އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އެއްޗަކަށްވުން؛ ނުވަތަ
- އެ އެއްޗެއްގެ އުމުރުން ގިނަ ދުވަސްތަކެއް ނުވިނަމަވެސް، އެ އެއްޗެއްގައި ފާހަގަކުރެވޭ ސަގާފީ އަގެއް ހުރުން.
(ށ) އުފުލޭ ސަގާފީ ތަރިކައިގެ ގޮތުގައި ދަފްތަރުކުރުމަށް ނުވަތަ ގިންތިކުރުމަށް ހުށަހެޅުމަށް އާންމުކޮށް އިއުލާނުކުރަންވާނެއެވެ.
25 ވަނަ މާއްދާ - އާސާރީ ސަރަހައްދުތަކާއި ބިނާތައް ދަފްތަރުކުރުން
(ހ) އާސާރީ ސަރަހައްދެއް، ބިނާއެއް ނުވަތަ އިމާރާތެއް ސަގާފީ ތަރިކައިގެ ދަފްތަރުގައި ހިމެނޭނީ، އެ ސަރަހައްދަކީ، އެ ބިނާއަކީ ނުވަތަ އެ އިމާރާތަކީ އެ ތަނެއްގައި ފާހަގަކުރެވޭ ސަގާފީ އަގެއް ހުރި ސަރަހައްދެއް، ބިނާއެއް ނުވަތަ އިމާރާތެއްކަމުގައި ވާނަމައެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އާސާރީ ސަރަހައްދުތަކާއި، ބިނާތަކާއި، އިމާރާތްތަކުގެ ސަގާފީ އަގު ކަނޑައެޅުމުގައި އަމަލުކުރާނެ އުސޫލާއި މިންގަނޑު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.
(ނ) އާސާރީ ސަރަހައްދެއް، ބިނާއެއް ނުވަތަ އިމާރާތެއް ދަފްތަރުކުރުމަށް ނުވަތަ ގިންތިކުރުމަށް ހުށަހެޅުމަށް އާންމުކޮށް އިއުލާނުކުރަންވާނެއެވެ.
26 ވަނަ މާއްދާ - މައުނަވީ ސަގާފީ ތަރިކަ ދަފްތަރުކޮށް ގިންތި ކުރުން
(ހ) މައުނަވީ ސަގާފީ ތަރިކައިގެ ދަފްތަރުގައި ހިމެނޭނީ، އެ އެއްޗެއްގައި ފާހަގަކުރެވޭ މައުނަވީ ސަގާފީ އަގެއް އެކުލެވޭނަމައެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުނަވީ ސަގާފީ ތަރިކައިގެ ދަފްތަރުގައި ހިމެނުމަށްޓަކައި މައުނަވީ ސަގާފީ އަގު ކަނޑައެޅުމުގައި އަމަލުކުރާނެ އުސޫލާއި މިންގަނޑު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ނ) މައުނަވީ ސަގާފީ ތަރިކަ ދަފްތަރުކުރުމަށް ނުވަތަ ގިންތިކުރުމަށް ހުށަހެޅުމަށް އާންމުކޮށް އިއުލާނުކުރަންވާނެއެވެ.
27 ވަނަ މާއްދާ - ދަފްތަރުގައި ހިމެނުމަށް ހުށަހެޅުން
(ހ) މި ގާނޫނުގެ ދަށުން އުފުލޭ ސަގާފީ ތަރިކައެއް ނުވަތަ އާސާރީ ބިނާއެއް ނުވަތަ އާސާރީ ސަރަހައްދެއް ނުވަތަ މައުނަވީ ސަގާފީ ތަރިކައެއްގެ ގޮތުގައި ދަފްތަރުކޮށްދިނުމަށް އެދި އާންމުކޮށް އިއުލާނުކުރުމުން ލިބޭ ހުށަހެޅުންތަކާ ގުޅިގެން ގޮތެއް ނިންމާނީ މަރުކަޒުންނެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ދަފްތަރުގައި ހިމެނުމަށްޓަކައި ހުށަހަޅާ ހުށަހެޅުންތަކާމެދު އެ ހުށަހެޅުމެއް ހުށަހަޅާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި މަރުކަޒުން ގޮތެއް ނިންމައި، އެ ހުށަހެޅުމެއް ހުށަހެޅި ފަރާތަށް ސަބަބު ބަޔާންކޮށް އެކަން އަންގަންވާނެއެވެ.
28 ވަނަ މާއްދާ - އަލަށް ފެންނަ ތަކެތި
ސަގާފީ ތަރިކަކަމަށް ބެލެވިދާނެ އެއްވެސް އެއްޗެއް، އެއްވެސް ފަރާތަކަށް ފެނިއްޖެނަމަ ތިރީގައިވާ ގޮތުގެމަތިން އަމަލުކުރަންވާނެއެވެ.
(ހ) އެފަދަ އެއްޗެއް ފެނިއްޖެނަމަ އެ ފެނުނު ފަރާތަކުން، ނުވަތަ އެފަދަ އެއްޗެއް ފެނުނުކަން އެނގިފައިވާ ފަރާތަކުން އެކަން އެ ރަށެއްގެ ނުވަތަ އެ ސިޓީއެއްގެ ކައުންސިލްގެ އިދާރާއަށް، އަދި ފަޅު ރަށެއްގައިނަމަ އެ ރަށް ހިމެނޭ އަތޮޅު ކައުންސިލްގެ އިދާރާއަށް އެ އެއްޗެއް ފެނުނުތާ 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި އަންގަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ އެއްޗަކާބެހޭ މައުލޫމާތު ރަށު ކައުންސިލްގެ އިދާރާއަށް، ނުވަތަ އަތޮޅު ކައުންސިލްގެ އިދާރާއަށް، ނުވަތަ ސިޓީ ކައުންސިލްގެ އިދާރާއަށް ލިބުމުން، އެކަން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި އެ އިދާރާތަކުން މަރުކަޒަށް އަންގަންވާނެއެވެ.
(ނ) ސަގާފީ ތަރިކައެއްކަމުގައި ބެލެވޭ އެއްޗެއް ހޯދި ފަރާތަކުން ނުވަތަ އެފަދަ އެއްޗެއް ފެނުނު ފަރާތަކުން އެ އެއްޗެއް ރަށު ކައުންސިލްގެ އިދާރާއާ، ނުވަތަ އަތޮޅު ކައުންސިލްގެ އިދާރާއާ، ނުވަތަ ސިޓީ ކައުންސިލްގެ އިދާރާއާ ހަވާލުކުރެވެންދެން، އެ އެއްޗެއް ފަރުވާތެރިކަމާއެކު ބަލަހައްޓަންވާނެއެވެ. އަދި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިން އެއާމެދު އަމަލުކުރަންވާނެއެވެ.
(ރ) ސަގާފީ ތަރިކައެއްކަމުގައި ބެލެވޭ އެއްޗެއް މި މާއްދާގެ ދަށުން ރަށު ނުވަތަ އަތޮޅު ނުވަތަ ސިޓީ ކައުންސިލްގެ އިދާރާއާ ހަވާލުކުރުމުން، މަރުކަޒުގެ އިރުށާދުގެމަތިން އެ އެއްޗެއް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ކުރަންޖެހޭ ހުރިހާ ކަމެއް އެ އިދާރާއަކުން ކުރަންވާނެއެވެ.
29 ވަނަ މާއްދާ - އަލަށް ފެންނަ ތަންތަން
ސަގާފީ ތަރިކަކަމަށް ބެލެވިދާނެ، އެއް ތަނުން އަނެއް ތަނަށް ނުގެންދެވޭފަދަ އެއްޗެއް، ނުވަތަ ތަނެއް ފެނިއްޖެނަމަ، ތިރީގައިވާ ގޮތުގެމަތިން އަމަލުކުރަންވާނެއެވެ.
(ހ) އެފަދަ އެއްޗެއް ނުވަތަ ތަނެއް ފެނިއްޖެނަމަ އެ ފެނުނު ކޮންމެ ފަރާތަކުން އެ އެއްޗެއް ނުވަތަ އެ ތަނެއް ފެނުނުތާ 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި އެކަން ރަށު ކައުންސިލްގެ އިދާރާއަށް، ނުވަތަ އަތޮޅު ކައުންސިލްގެ އިދާރާއަށް، ނުވަތަ ސިޓީ ކައުންސިލްގެ އިދާރާއަށް އަންގަންވާނެއެވެ. އަދި އެފަދަ އެއްޗެއް ނުވަތަ ތަނެއް ފެނުނު ސަރަހައްދެއް އަލުން ހޯދޭފަދަ ގޮތަކަށް ފާހަގަކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްޗަކާ ނުވަތަ ތަނަކާބެހޭ މައުލޫމާތު ރަށު ކައުންސިލްގެ އިދާރާއަށް ނުވަތަ އަތޮޅު ކައުންސިލްގެ އިދާރާއަށް ނުވަތަ ސިޓީ ކައުންސިލްގެ އިދާރާއަށް ލިބުމުން، ލަސްވެގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި އެ އިދާރާތަކުން އެކަން މަރުކަޒަށް އަންގަންވާނެއެވެ.
(ނ) ދިވެހިރާއްޖޭގެ ސަރަހައްދުގައި ހިމެނޭ އެއްވެސް ތަނެއް ކޮންނަނިކޮށް ދިވެހިރާއްޖޭގެ ސަގާފީ ތަރިކަކަމަށް ބެލެވޭ އެއްޗެއް ނުވަތަ ތަނެއް ފެނިއްޖެނަމަ އެ ކުރަމުންދާ މަސައްކަތެއް ވަގުތުން ހުއްޓާލައި، އެ ކަމުގެ މައުލޫމާތު ލަސްނުކޮށް މަރުކަޒަށް އަންގަންވާނެއެވެ. އަދި އެ މަސައްކަތެއް އިތުރަށް ކުރިއަށް ގެންދަންވާނީ މަރުކަޒުން އަންގާ ގޮތެއްގެމަތިންނެވެ.
30 ވަނަ މާއްދާ - ދަފްތަރުން އުނިކުރުން
(ހ) އަންނަނިވި ހާލަތްތަކުންކުރެ ހާލަތެއް މެދުވެރިވެއްޖެނަމަ، މި ގާނޫނުގެ ދަށުން ބަލަހައްޓާ އުފުލޭ ސަގާފީ ތަރިކައާއި، އާސާރީ ބިނާތަކާއި، އަސާރީ ސަރަހައްދުތަކާއި މައުނަވީ ސަގާފީ ތަރިކައިގެ ދަފްތަރުން އެ ތަރިކަ އުނިކުރަންވާނެއެވެ.
- އުފުލޭ ސަގާފީ ތަރިކައެއް ނުވަތަ އާސާރީ ބިނާއެއް ނުވަތަ އާސާރީ ސަރަހައްދެއް ގުދުރަތީ ކާރިސާއެއް ނުވަތަ އެނޫން ސަބަބެއް މެދުވެރިވެގެން އެއްކޮށް ހަލާކުވުން ނުވަތަ ގެއްލިގެންދިޔުން؛
- މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް އެ ތަރިކައިގެ ފާހަގަކުރެވޭ ސަގާފީ އަގު ދަށްވުން؛
- މައުނަވީ ސަގާފީ ތަރިކައިގެ އުންސުރުތަކުގެ ތެރެއިން އުންސުރަކަށް އަންނަ ބަދަލެއްގެ ސަބަބުން އެއިން ކަމެއްގެ ފާހަގަކުރެވޭ ސަގާފީ އަގު ދަށްވުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދަފްތަރުކުރެވިފައިވާ ސަގާފީ ތަރިކަ ދަފްތަރުން އުނިކުރެވިއްޖެނަމަ އެކަން މަރުކަޒުން އާންމުކޮށް އިއުލާނުކުރަންވާނެއެވެ.
31 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާއިރު ނެތިގޮސްފައިވާ ސަގާފީ ތަރިކަ
(ހ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު، ދިވެހިރާއްޖެއިން ނެތިގޮސްފައިވާކަން ލިޔެކިޔުންތަކުން އެނގެންހުރި އުފުލޭ ސަގާފީ ތަރިކައާއި، އާސާރީ ބިނާތަކާއި، އާސާރީ ސަރަހައްދުތަކާއި މައުނަވީ ސަގާފީ ތަރިކައިގެ ދަފްތަރެއް، މަރުކަޒުން އެކުލަވާލައި އާންމުކޮށް އިއުލާނުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދަފްތަރުގައިވާ ތަރިކައިގެ މައުލޫމާތު އެއްކޮށް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 24 (ސައުވީސް) މަސްދުވަހުގެ ތެރޭގައި މަރުކަޒުން ލިޔުމުން އެކުލަވާލަންވާނެއެވެ. އަދި އެ މައުލޫމާތު މުރާޖައާކޮށް، އަދާހަމަކޮށް ބަލަހައްޓަމުން ގެންދަންވާނެއެވެ.
ހަވަނަ ބާބު
ރައްކާތެރިކުރުމުގެ ފިޔަވަޅުތައް
32 ވަނަ މާއްދާ - ސަގާފީ ތަރިކައެއް އެއް ތަނުން އަނެއް ތަނަށް ބަދަލުކުރުމާއި، ދިވެހިރާއްޖެއިން ބޭރަށް ގެންދިޔުން
(ހ) މަރުކަޒުގެ ހުއްދަ ލިޔުމުން ލިބިގެން މެނުވީ ދަފްތަރުކުރެވިފައިވާ އުފުލޭ ސަގާފީ ތަރިކައެއް އެއްވެސް ފަރާތަކުން، އެއްވެސް ބޭނުމަކަށް ދިވެހިރާއްޖެއިން ބޭރަށް ގެންގޮސްގެންނުވާނެއެވެ.
(ށ) މަރުކަޒުގެ ހުއްދަ ލިޔުމުން ލިބިގެން މެނުވީ ދަފްތަރުކުރެވިފައިވާ އުފުލޭ ސަގާފީ ތަރިކައެއް، އެ އެއްޗެއް ދިވެހިރާއްޖޭގައި ހުރި ތަނުން އެހެން ތަނަކަށް ބަދަލުކޮށްގެންނުވާނެއެވެ.
(ނ) އުފުލޭ ސަގާފީ ތަރިކައެއް މަރުކަޒުގެ ހުއްދަ ނެތި ދިވެހިރާއްޖެއިން ބޭރަށް ނުގެންދެވޭ ގޮތަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި ދިވެހިރާއްޖޭގައި ޕޯސްޓުގެ ޚިދުމަތްދޭ ފަރާތްތަކުން ކަށަވަރުކުރަންވާނެއެވެ.
(ރ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ޚިލާފަށް އުފުލޭ ސަގާފީ ތަރިކަ ދިވެހިރާއްޖެއިން ބޭރަށް ގެންދަން މަސައްކަތްކުރާނަމަ، އެ އެއްޗެއް، ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ބެލުމުގެ ދަށަށް ގެނެސް، މަރުކަޒަށް އަންގަންވާނެއެވެ.
(ބ) މި މާއްދާގައިވާ ގޮތުގެމަތިން، ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ބެލުމުގެ ދަށަށް ގެނެވޭ ތަކެއްޗާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދެއް މަރުކަޒުގެ ލަފަޔާއެކު، އެ އިދާރާތަކުން އެކުލަވާލައި، އާންމުކުރަންވާނެއެވެ.
33 ވަނަ މާއްދާ - ހިމާޔަތްކުރެވިފައިވާ ސަރަހައްދު ކަނޑައެޅުން
(ހ) ދިވެހިރާއްޖޭގެ ކޮންމެ އާސާރީ ބިނާއެއް ނުވަތަ އާސާރީ ސަރަހައްދެއް ހިމެނޭގޮތުން އެ ތަނެއްގެ އިމުގެ ވަށައިގެން ކަނޑައެޅޭ ސަރަހައްދެއް، އެ ތަނެއްގެ ހިމާޔަތްކުރެވިފައިވާ ސަރަހައްދުގެ ގޮތުގައި މަރުކަޒުން ކަނޑައަޅަންވާނެއެވެ.
(ށ) ހިމާޔަތްކުރެވިފައިވާ ސަރަހައްދު ކަނޑައެޅުމުގެ އުސޫލުތަކާއި ހަމަތަކާއި މިންގަނޑުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ނ) ހިމާޔަތްކުރެވިފައިވާ ސަރަހައްދުގައި އެއްވެސް ފަރާތަކަށް އެއްވެސް މަސައްކަތެއް ކުރެވޭނީ މަރުކަޒުގެ ހުއްދަ ލިބިގެންނެވެ.
34 ވަނަ މާއްދާ - މައުނަވީ ސަގާފީ ތަރިކަ ރައްކާތެރިކުރުން
(ހ) މައުނަވީ ސަގާފީ ތަރިކައެއްކަމުގައި ބެލެވޭ އެއްޗެއްގެ މިލްކުވެރިކަމާއި ބެލެނިވެރިކަން އޮތް ފަރާތަކުން އެ އެއްޗެއް ދަފްތަރުކުރުމަށްޓަކައި ހުށަހެޅުމަށް، މަރުކަޒުން އާންމުކޮށް ހުޅުވާލައި، އިއުލާނުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދައިން ދަފްތަރުކުރެވޭ މައުނަވީ ސަގާފީ ތަރިކަ ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކުރެވޭކަން، އެ އެއްޗެއްގެ މިލްކުވެރިކަމާއި ބެލެނިވެރިކަން އޮތް ފަރާތުން ކަށަވަރުކުރަންވާނެއެވެ.
(ނ) މައުނަވީ ސަގާފީ ތަރިކައިގެ ގޮތުގައި ދަފްތަރުކުރެވޭ ތަރިކައިގެ މައުލޫމާތު އެނގި ހުރި ފަރާތްތައް ހޯދައި، އެ ފަރާތްތަކުގެ ކިބައިގައި ހުރި މައުލޫމާތެއް ރައްކާކުރެވޭނެ އިންތިޒާމު މަރުކަޒުން ހަމަޖައްސަންވާނެއެވެ.
35 ވަނަ މާއްދާ - ސަގާފީ ތަރިކައާގުޅޭ މަސައްކަތްތައް ކުރުމަށް ހުއްދަ ހޯދުން
(ހ) ސަގާފީ ތަރިކަކަމަށް ބެލެވޭ އެއްޗެއް ހުރިކަމަށް ލަފާކުރެވޭ ތަނަކުން އެފަދަ އެއްޗެއް ހޯދުމަށް ނުވަތަ އެފަދަ އެއްޗަކާގުޅޭ ތަހްގީޤެއްކުރުމަށް އެއްވެސް ފަރާތަކުން މަސައްކަތްކުރަންވާނީ، ނުވަތަ އެފަދަ އެއްޗެއް ހުރިތަނަކުން ނަގައި އެހެން ތަނަކަށް ބަދަލުކުރަންވާނީ، ނުވަތަ ސަގާފީ ތަރިކައާގުޅޭ އެ ނޫންވެސް މަސައްކަތްތައް ކުރަންވާނީ މަރުކަޒުގެ ހުއްދަ ލިޔުމުން ހޯދުމަށްފަހުގައެވެ.
(ށ) ސަގާފީ ތަރިކަކަމަށް ބެލެވޭ އެއްޗަކަށް ނުވަތަ ތަނަކަށް ގެއްލުމެއް ލިބިދާނެފަދަ ކަމެއް އެއްވެސް ފަރާތަކުން ކުރަންއުޅޭކަމުގެ މައުލޫމާތު ލިބިއްޖެނަމަ، ނުވަތަ މަރުކަޒުގެ ހުއްދަނެތި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ކަމެއް އެއްވެސް ފަރާތަކުން ކުރަންއުޅޭކަމުގެ މައުލޫމާތު ލިބިއްޖެނަމަ އެކަން ވީ އެންމެ އަވަހަކަށް މަރުކަޒަށް އަންގަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ މަސައްކަތެއް ކުރަން އެދޭ ފަރާތަކުން އެ ކަމެއް ކުރުމަށް ހުއްދަ ހޯދުމަށް އެދި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން މަރުކަޒަށް ހުށަހަޅަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ އެއްވެސް ކަމެއް ކުރުމަށް މަރުކަޒުން ހުއްދަ ދޫކުރާނެ ގޮތާއި، އެ ހުއްދަ ބާތިލުވާނެގޮތާއި، ހުއްދައިގެ ށަރުތުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ބ) މި މާއްދާގެ (ހ) ގެ ދަށުން ސަގާފީ ތަރިކައާގުޅޭ މަސައްކަތެއް ކުރުމަށް މަރުކަޒުން ހުއްދަ ދޫކުރާ ފަރާތްތަކުން އެ މަސައްކަތް ކުރަންވާނީ މަރުކަޒުން ކަނޑައަޅާ ފަރާތެއްގެ ބެލުމުގެ ދަށުންނެވެ.
(ޅ) މި މާއްދާގެ (ހ) ގެ ދަށުން ހުއްދަ ދެވޭ ފަރާތްތަކާއި، ހުއްދަ ދެވޭ ބޭނުމާއި، ކުރެވޭ މަސައްކަތާއި، އެ މަސައްކަތުގެ ނަތީޖާގެ ތަފްސީލީ މައުލޫމާތު މަރުކަޒުން ލިޔެ ބަލަހައްޓަންވާނެއެވެ.
36 ވަނަ މާއްދާ - ތަރިކައަށް ކޮށްފާނެ އަސަރު ބެލުން
(ހ) ދިވެހިރާއްޖޭގައި ތަރައްގީގެ އެއްވެސް މަށްރޫއެއް ހިންގަންވާނީ އެ މަށްރޫއެއް ފެށުމުގެ ކުރިން އެ ކަމުގެ ސަބަބުން ސަގާފީ ތަރިކައަށް އެއްވެސް ގެއްލުމެއްވެދާނެތޯ ދެނެގަތުމަށްޓަކައި އެސެސްމަންޓެއް ހެދުމަށް ފަހުގައެވެ. އެ އެސެސްމަންޓް ހަދާނީ ގާނޫނު ނަންބަރު 4/1993 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގެ ދަށުން ހަދަންޖެހޭ ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓުގައި ހިމަނައިގެންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އެސެސްމަންޓް ހެދުމަށްފަހު އެ އެސެސްމަންޓްގެ ރިޕޯޓު އެ މަށްރޫއެއް ފެށުމުގެ ކުރިން މަރުކަޒަށް ހުށަހަޅަންވާނެއެވެ.
37 ވަނަ މާއްދާ - ބިނާތަކާއި ސަރަހައްދުތަކުގެ މެނޭޖްމަންޓް ޕްލޭން ހެދުން
ދަފްތަރުކޮށް އަދި ގިންތިކުރެވޭ ކޮންމެ އާސާރީ ބިނާއަކަށް ނުވަތަ އާސާރީ ސަރަހައްދަކަށް ޚާއްސަކުރެވޭ މެނޭޖްމަންޓް ޕްލޭނެއް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، ލޯކަލް ކައުންސިލްތަކާއި މަރުކަޒާ ގުޅިގެން އެކުލަވާލަންވާނެއެވެ.
38 ވަނަ މާއްދާ - ގާނޫނާ ޚިލާފަށް އެތެރެކޮށްފައިވާ ތަކެތި އަނބުރާ ރައްދުކުރުން
ދިވެހިރާއްޖޭގެ އެއްވެސް ގާނޫނަކާ ޚިލާފަށް، ނުވަތަ ބޭރު ގައުމުތަކުގެ ގާނޫނުތަކާއި، އަދި ބައިނަލްއަގްވާމީ ގާނޫނާ ޚިލާފަށް ބޭރު ގައުމެއްގެ ސަގާފީ ތަރިކައެއް ދިވެހިރާއްޖޭގެ ސަރަހައްދުގައި ހުރިކަމުގެ މައުލޫމާތު އެއްވެސް ފަރާތަކަށް ލިބިއްޖެނަމަ، އެ ފަރާތަކުން އެކަން މަރުކަޒަށް އަންގަންވާނެއެވެ.
ހަތްވަނަ ބާބު
ސަގާފީ ތަރިކައިގެ މިލްކުވެރިކަން
39 ވަނަ މާއްދާ - ދައުލަތުގެ މިލްކުވެރިކަން
ދިވެހިރާއްޖޭގެ ސަރަހައްދުގެ ތެރޭގައިވާ ސަގާފީ ތަރިކަކަމުގައި ހިމެނޭ އަންނަނިވި ހުރިހާ ތަންތަނަކާއި ތަކެއްޗަކީ ދިވެހި ދައުލަތަށް މިލްކުވެގެންވާ ތަންތަނާއި ތަކެއްޗެވެ.
(ހ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު ދިވެހި ދައުލަތުގެ ބެލުމުގެ ދަށުގައިހުރި ސަގާފީ ތަރިކައިގެ ތެރޭގައި ހިމެނޭ އެންމެހައި ތަންތަނާއި ތަކެތި؛
(ށ) އެ އެއްޗެއްގެ ވެރިފަރާތުން މިލްކުވެރިކަން ދޫކޮށްލާފައިވާ ތަކެތީގެ ތެރެއިން މި ގާނޫނުގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާ ސަގާފީ ތަރިކައިގެ ތެރޭގައި ހިމެނޭ އެންމެހައި ތަންތަނާއި ތަކެތި؛
(ނ) ދިވެހިރާއްޖޭގެ ސަރަހައްދުގައިވާ އެންމެހައި ހިކިފަސް އަދި ހިކިފަސްނޫން ތަންތަނުގައި ހުރި، މިހާތަނަށް ފެނިފައިނުވާ ނުވަތަ ހޯދިފައިނުވާ ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ތެރޭގައި ހިމެނޭ ތަންތަނާއި ތަކެތި.
40 ވަނަ މާއްދާ - މިލްކުވެރިކަން ސާބިތުނުކުރެވޭ ތަންތަނާއި ތަކެތި
(ހ) މިލްކުވެރިކަން ސާބިތުނުކުރެވޭ ސަގާފީ ތަރިކައެއް ދިވެހިރާއްޖޭގެ ރަށެއްގައި ނުވަތަ އެނޫންވެސް ތަނެއްގައިވާކަން އެނގޭނަމަ، އެ ކަމުގެ މައުލޫމާތު އެ ރަށެއްގެ ނުވަތަ އެ ސިޓީއެއްގެ ލޯކަލް ކައުންސިލްތަކުން މަރުކަޒަށް އަންގަންވާނެއެވެ.
(ށ) ސަގާފީ ތަރިކަކަމުގައި ބެލެވިދާނެ ތަނެއް ނުވަތަ އެއްޗެއްގެ މިލްކުވެރިއަކު ސާބިތުނުވާނަމަ، އެ ތަނެއް ނުވަތަ އެއްޗެއްގެ މިލްކުވެރިކަން ސާބިތުވަންދެން ބެލެވޭނީ، އެ އެއްޗަކީ ނުވަތަ އެ ތަނަކީ ދައުލަތުގެ މިލްކެއްކަމުގައެވެ.
(ނ) ސަގާފީ ތަރިކަކަމުގައި ބެލެވިދާނެ ތަނެއް ނުވަތަ އެއްޗެއްގެ މިލްކުވެރިއަކު ސާބިތުނުވާނަމަ، އެ ތަނެއް ނުވަތަ އެއްޗެއް ރައްކާތެރިކަމާއެކު ބެލެހެއްޓޭކަން މަރުކަޒުން ކަށަވަރުކުރަންވާނެއެވެ.
41 ވަނަ މާއްދާ - މިލްކުވެރިކަން ބަދަލުކުރުން
(ހ) ދަފްތަރުކުރެވިފައިވާ ނުވަތަ ގިންތިކުރެވިފައިވާ ސަގާފީ ތަރިކައިގެ މިލްކުވެރިކަން ބަދަލުކުރަން ބޭނުންވާނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، މަރުކަޒުގެ ހުއްދަ ހޯދަންވާނެއެވެ.
(ށ) ސަގާފީ ތަރިކައިގެ މިލްކުވެރިކަން ބަދަލުކޮށް ނިމުމުން، އެކަން އަންގައިދިނުމަށްޓަކައި ދޫކުރާ ލިޔުމުގެ ކޮޕީއެއް، މިލްކުވެރިކަން ބަދަލުކުރެވުނު ފަރާތުން މަރުކަޒަށް ހުށަހަޅަންވާނެއެވެ.
42 ވަނަ މާއްދާ - ބިމުގެ އަޑީގައި ސަގާފީ ތަރިކަ ހުރިކަމަށް ބެލެވޭ ސަރަހައްދު ދައުލަތަށް ނެގުން
(ހ) ދައުލަތުން އެއްވެސް ފަރާތަކަށް ދޫކޮށްފައިވާ އެއްވެސް ބިމެއްގެ އަޑީގައި ސަގާފީ ތަރިކައިގެ ތެރޭގައި ހިމެނޭ ތަނެއް ނުވަތަ އެފަދަ ތަނެއްގެ ބައެއް ނުވަތަ އެއްޗެއް ވަޅުލެވިފައިވަނިކޮށް ފެނިއްޖެނަމަ، އެ ތަނެއް ނުވަތަ އެ އެއްޗެއް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން ބަލައި ފާސްކުރުމުގެ ފުރުސަތު ތަނުގެ ވެރިފަރާތުން މަރުކަޒަށް ދޭންވާނެއެވެ. އަދި މަރުކަޒުން ބަލައި ފާސްކޮށް ނިމެންދެން މަރުކަޒުން އަންގާ ގޮތެއްގެމަތިން އެ ތަނެއް ނުވަތަ އެ އެއްޗެއް ބެލެހެއްޓުމުގެ އިންތިޒާމު، އެ ބިމެއްގެ ވެރިފަރާތުން ނުވަތަ އެ ބިމަކާ ހަވާލުވެފައިވާ ފަރާތުން ހަމަޖައްސަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ބަލައި ފާސްކުރުމުގެ އެންމެހައި ހަރަދުތައް ހަމަޖައްސާނީ މަރުކަޒުންނެވެ. އަދި ބަލައި ފާސްކުރުމުގެ މަސައްކަތް 30 (ތިރީސް) ދުވަހުގެ ތެރޭގައި ނިންމަންވާނެއެވެ. ނަމަވެސް، ދެ ފަރާތުން އެއްބަސްވާ ގޮތެއްގެމަތިން މި މުއްދަތު 30 (ތިރީސް) ދުވަހަށް ވުރެ އިތުރުކުރުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.
(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އަމަލުކުރުމުގައި އެ ތަނާ ހަވާލުވެފައިވާ ފަރާތުން އިހުމާލުވެފައިވާނަމަ ނުވަތަ މަރުކަޒުން އަންގާ ގޮތެއްގެމަތިން އަމަލުކުރުމަށް އިއުތިރާޟުކުރާނަމަ، ކޯޓު މެދުވެރިކޮށް މަރުކަޒުން އެ ތަނެއް ބަލައި ފާސްކުރެވިދާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައިވާ ފަދައިން ތަނެއް ބަލައި ފާސްކުރުމުން، އެ ތަނަކީ ނުވަތަ އެ ތަނަކުން ފެނުނު ސަގާފީ ތަރިކައަކީ އެ އެއްޗެއްގެ ސަގާފީ އަގުގެ ސަބަބުން ގައުމީ ފެންވަރުގައި މުހިންމުކަން ދެވޭ އެއްޗެއް ނުވަތަ ތަނެއްކަމަށް މަރުކަޒަށް ފެނިއްޖެނަމަ ށަރުއީ ކޯޓެއް މެދުވެރިކޮށް އަދުލުވެރި ބަދަލެއް ދިނުމަށްފަހު އެ ތަނެއް ނުވަތަ އެ އެއްޗެއް ދައުލަތަށް ނެގިދާނެއެވެ.
(ބ) މި މާއްދާގެ (ރ) ގެ ދަށުން ދައުލަތަށް ބިމެއް ނެގޭ ހާލަތުގައި އެ ބިމެއްގައި ހިމެނޭ ނުއުފުލޭ މުދަލަށް ބަދަލުދިނުމުގައި އަމަލުކުރަންވާނީ މި ގާނޫނުގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.
43 ވަނަ މާއްދާ - ބަދަލުދިނުމުގައި އަމަލު ކުރާނެ އުސޫލު
މި ގާނޫނުގެ 42 ވަނަ މާއްދާގެ ދަށުން އެއްވެސް ސަގާފީ އެއްޗެއް ނުވަތަ ތަނެއް ދައުލަތަށް ނަގަންޖެހިއްޖެ ހާލަތެއްގައި ބަދަލުދިނުމުގައި އަމަލުކުރާނެ ހަމަތަކާއި އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ތަފްސީލުކޮށް ބަޔާންކުރަންވާނެއެވެ.
44 ވަނަ މާއްދާ - ސަގާފީ ތަރިކަ ބަލަހައްޓާ ފަރާތްތަކަށްދެވޭ އިނާޔަތް
ސަގާފީ ތަރިކައިގެ މިލްކުވެރި ފަރާތަކީ އާންމު ފަރާތެއްކަމުގައިވާނަމަ، އެ ފަރާތަކުން އެ އެއްޗެއް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމަށްޓަކައި، އެ ފަރާތްތަކަށް މަރުކަޒުން ކަނޑައަޅާ ގޮތެއްގެމަތިން އިނާޔަތްތައް ހަމަޖައްސައިދެވިދާނެއެވެ.
45އެހީތެރިކަމަށް އެދުމުގެ އިންތިޒާމު
(ހ) ކޮންމެ އަހަރަކުވެސް، ކަނޑައެޅިފައިވާ ވަކި އަދަދެއްގެ ފައިސާ، އަމިއްލަ ފަރާތްތަކުން ބަލަހައްޓާ ސަގާފީ ތަރިކައިގެ މަރާމާތަށް ކަނޑައަޅައި، މަރުކަޒުން ކަނޑައަޅާ އުސޫލެއްގެ ދަށުން އެ ފައިސާ ހޯދުމަށް އެދި ހުށަހެޅުމަށް މަރުކަޒުން ފުރުސަތު ހުޅުވާލަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ހުށަހަޅާ ހުށަހެޅުންތަކަށް ފައިސާ ދޫކުރުމުގައި ހުށަހެޅި ފަރާތުގެ މާލީ ފުދުންތެރިކަމާއި ކުރަންޖެހޭ މަރާމާތުގެ ޚާއްސަކަމާއި، ކުޑަބޮޑު މިނަށް ރިއާޔަތްކުރެވޭނެ މިންގަނޑެއް މަރުކަޒުން އާންމު ކުރަންވާނެއެވެ.
(ނ) އަމިއްލަ ފަރާތްތަކުން ބަލަހައްޓާ ސަގާފީ ތަރިކަ ދެމެހެއްޓެނިވި ގޮތަކަށް ރައްކާތެރިކޮށް ބެލެހެއްޓުމަށްޓަކައި ފަންނީ އެހީތެރިކަމަށް އެދިއްޖެނަމަ، ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން އެފަދަ ފަރާތްތަކަށް މަރުކަޒުން ފަންނީ އެހީތެރިކަން ފޯރުކޮށްދޭންވާނެއެވެ.
(ރ) ޚާއްސަ ހާލަތެއްގައި ދަރަޖަކުރެވިފައިވާ ސަގާފީ ތަރިކައިގެ ތެރެއިން އަމިއްލަ ފަރާތްތަކުގެ މިލްކުގައިވާ ތަކެތި ސަރުކާރުން މަރާމާތުކޮށް ބެލެހެއްޓުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.
46 ވަނަ މާއްދާ - ސަގާފީ ތަރިކަ ބޭރު ގައުމަކުން ފެނުން
(ހ) ދިވެހިރާއްޖޭގެ ތަރިކައިގެ ގޮތުގައި ބެލެވޭ ސަގާފީ ތަރިކައެއް ބޭރު ގައުމެއްގައި އޮތްކަން ނުވަތަ ހުރިކަން އެނގިއްޖެނަމަ އެ ކަމެއް އެނގުނު ފަރާތަކުން މަރުކަޒަށް އަންގަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަގާފީ ތަރިކައާބެހޭ މައުލޫމާތު މަރުކަޒަށް ލިބުމާއެކު، ބައިނަލްއަގްވާމީ ގޮތުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އެއާބެހޭ މައުލޫމާތު ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ އެއްޗެއްގެ މައުލޫމާތު މަރުކަޒަށް ލިބުމާއެކު، އެ އެއްޗެއް ނުވަތަ، އެ އެއްޗެއްގެ ނަކަލެއް ހޯދުމަށް މަސައްކަތްކުރަންވާނެއެވެ. އަދި އެފަދަ އެއްޗެއް ލިބުމުން، އެ އެއްޗެއް ސަގާފީ ތަރިކައިގެ ގޮތުގައި ރައްކާކުރަންވާނެއެވެ. އަދި އެފަދަ އެއްޗެއް ނުލިބިއްޖެނަމަ، އެ އެއްޗަކާ ބެހޭގޮތުން ލިބުނު މައުލޫމާތު ލިޔެ ދިރާސާކޮށް ރައްކާކުރަންވާނެއެވެ.
އަށްވަނަ ބާބު
ދައުލަތާއި އާންމު ފަރާތްތަކުގެ ޒިންމާ
47 ވަނަ މާއްދާ - ސަރުކާރުގެ އިދާރާތައް
(ހ) ސަރުކާރުގެ ކޮންމެ އިދާރާއަކުންމެ، އެ އިދާރާއެއްގެ ސިޔާސަތުތަކާއި، ޕްލޭންތަކާއި މަސައްކަތްތައް ކަނޑައަޅައި ކުރިއަށް ގެންދިއުމުގައި އަމަލުކުރަމުންދަނީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންކަން ކަށަވަރުކުރަންވާނެއެވެ.
(ށ) ރަސްމީ އަދި ނުރަސްމީ ތައުލީމު ފޯރުކޮށްދިނުމަށް ޒިންމާވާ ކޮންމެ އިދާރާއަކުންމެ، ދިވެހިރާއްޖޭގެ ސަގާފީ ތަރިކައާބެހޭ އިލްމާއި ހުނަރު، ސްކޫލުތަކާއި، ކޮލެޖްތަކާއި ޔުނިވަރސިޓީތަކުގައި ކުރިއަރުވައި ފެތުރުމަށް މަގުފަހިވާނެ ފަދައިން މަންހަޖުތައް އެކަށައެޅުމަށް އިސްކަންދޭންވާނެއެވެ. އަދި އެފަދަ އިދާރާތަކުން، ދިވެހިރާއްޖޭގެ މަތީ ސާނަވީ ތައުލީމުދޭ ތަންތަނާއި ކޮލެޖްތަކާއި ޔުނިވަރސިޓީތަކުގައި ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ އިލްމާއި ހުނަރު ކިޔެވޭނެ މަގުފަހިވާނެ ފަދައިން މަރުކަޒުގެ ލަފަޔާއި އިރުށާދުގެމަތިން މަންހަޖުތައް އެކަށައެޅުމަށް އިސްކަންދޭންވާނެއެވެ.
48 ވަނަ މާއްދާ - ރަށްރަށާއި، ތަންތަނާއި، ތަކެތީގެ ނަން ދެމެހެއްޓުން
(ހ) ދިވެހިރާއްޖޭގެ ރަށްރަށާއި، ފަޅުފަޅާއި، ފަރުތަކާއި، އެހެނިހެން ތަންތަނާއި ތަކެއްޗަށް ޒަމާނުއްސުރެ ކިޔަމުން އައިސްފައިވާ ނަންތައް އެކުލަވާލައި މަރުކަޒުން ބަލަހައްޓަންވާނެއެވެ.
(ށ) ދިވެހިރާއްޖޭގެ ރަށްރަށާއި، ފަޅުފަޅާއި، ފަރުތަކާއި، އެހެނިހެން ތަންތަނާއި ތަކެއްޗަށް ޒަމާނުއްސުރެ ކިޔަމުން އައިސްފައިވާ ނަންތަކަށް ބަދަލު ގެނައުމާއި، އެފަދަ ނަންނަން އެއްގޮތަކަށްވެސް ބޭނުންނުކުރާ ގޮތަށް ހަމަޖައްސައިގެންނުވާނެއެވެ.
(ނ) ރަށެއްގައި ނުވަތަ ތަނެއްގައި ކުރަމުންދާ ވަކި މަސައްކަތަކާ ގުޅިގެން އެ ތަނަކަށް ނުވަތަ އެ ރަށަކަށް ކިޔާ ނަމުގެ ތެރޭގައި އެ ރަށުގެ ނުވަތަ ތަނުގެ އަސްލު ނަން ހިމެނިފައި އޮންނަންވާނެއެވެ. އަދި އެ ތަނެއްގައި ކުރާ މަސައްކަތާ ގުޅިގެން ކުރާ ރަސްމީ މުއާމަލާތްތަކާއި ހާމަކުރާ ލިޔެކިޔުންތަކުގައި އެ އަސްލު ނަން ހިމަނާފައި އޮންނަންވާނެއެވެ.
49 ވަނަ މާއްދާ - ލޯކަލް ކައުންސިލްތަކުގެ ދައުރު
(ހ) މީހުން ދިރިއުޅޭ ރަށްރަށުގެ އިހްތިޞާސްގެ ތެރޭގައި ހިމެނޭ ސަގާފީ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމަކީ އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލްގެ ޒިންމާއެކެވެ.
(ށ) މީހުން ދިރިއުޅޭ ރަށްތައް ފިޔަވައި، އެހެނިހެން ތަންތަނުގައި ހުންނަ ސަގާފީ ތަރިކަ ބަލަހައްޓައި، އެ ތަރިކަ ދެމެހެއްޓުމަކީ އެ ތަނެއްގެ އިހްތިޞާސް ލިބިގެންވާ ކައުންސިލްގެ ޒިންމާއެކެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ކުރާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި މަރުކަޒުން ހަދާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ސަގާފީ ތަރިކަ ބަލަހައްޓައި، އެ ތަރިކަ ދެމެހެއްޓުމަށް ބޭނުންވާ ފަންނީ އެހީތެރިކަން، ކައުންސިލްތަކަށް މަރުކަޒުން ހަމަޖައްސައިދޭންވާނެއެވެ. އަދި، އެފަދަ މަސައްކަތްތަކަށް ބޭނުންވާ މާލީ ވަސީލަތްތައް ހޯދުމުގައި މަރުކަޒުން ކައުންސިލްތަކަށް އެހީތެރިވާންވާނެއެވެ.
50 ވަނަ މާއްދާ - އާންމު ފަރާތްތަކުގެ ޒިންމާ
(ހ) ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމަށް މަސައްކަތްކުރުމަކީ ހަމަ ކޮންމެ ދިވެހިރައްޔިތެއްގެ، އަދި ދިވެހިރާއްޖޭގެ ގާނޫނުގެ ބާރު ހިނގާ ސަރަހައްދުގައި ދިރިއުޅޭ ކޮންމެ ފަރާތެއްގެ، އަދި ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ކޮންމެ ފަރާތެއްގެ ޒިންމާއެކެވެ.
(ށ) އަމިއްލަ ފަރާތްތަކުގެ މިލްކުގެ ގޮތުގައި ހުންނަ ސަގާފީ ތަރިކައިގެ މައުލޫމާތު މަރުކަޒަށް އަންގަންވާނެއެވެ.
(ނ) ސަގާފީ ތަރިކަކަމުގައި ކަނޑައަޅާފައިވާ ތަންތަނަށް ޒިޔާރަތްކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭކަމަށް ކަނޑައަޅައި އާންމުކޮށްފައި ހުންނަ ޚާއްސަ އުސޫލުތަކަށް، އެ ތަންތަނަށް ޒިޔާރަތްކުރާ ފަރާތްތަކުން ހުރުމަތްތެރިކޮށް ހިތަންވާނެއެވެ.
(ރ) ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ސަގާފީ ތަރިކައާ ގުޅޭގޮތުން އެއްވެސް ފަރާތަކުން ސައްހަ ނޫން މައުލޫމާތު ދީގެންނުވާނެއެވެ.
51 ވަނަ މާއްދާ - މިލްކުވެރި ފަރާތުގެ ޒިންމާ
އަމިއްލަ ފަރާތްތަކުގެ މިލްކުގައި ހުންނަ ސަގާފީ ތަރިކަ، އެ ފަރާތްތަކުން ބަލަހައްޓައި، ރައްކާތެރިކޮށް ދަމަހައްޓަންވާނެއެވެ.
ނުވަވަނަ ބާބު
ދާރުލްއާސާރާއި އެ ތަނުގެ އާސާރުތައް
52 ވަނަ މާއްދާ - ގައުމީ ދާރުލްއާސާރާއި އެ ތަނުގެ އާސާރުތައް
(ހ) ދިވެހިރާއްޖޭގައި ގައުމީ ދާރުލްއާސާރެއް ހުންނަންވާނެއެވެ. އެ ދާރުލްއާސާރުގެ ގޮފިތައް ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކުރެވިދާނެއެވެ.
(ށ) ގައުމީ ދާރުލްއާސާރުގައި ތަކެތި ޖަމާކުރުމާއި، އެ ތަކެތި ބެހެއްޓުމާބެހޭ ގަވާއިދެއް މަރުކަޒުން އެކުލަވާލަންވާނެއެވެ.
(ނ) ދިވެހިންގެ ތަރިކައާބެހޭ މައުލޫމާތު ވީހާވެސް ގިނަބަޔަކަށް ފޯރުކޮށްދިނުމަށްޓަކައި، އަމިއްލަ ފަރާތްތަކުގެ މިލްކުގައިވާ ސަގާފީ ތަރިކަ، މަރުކަޒުން ކަނޑައަޅާ އުސޫލެއްގެމަތިން ދާރުލްއާސާރުގައި ބެހެއްޓިދާނެއެވެ.
(ރ) ދިވެހިރާއްޖޭގެ ގައުމީ ދާރުލްއާސާރުގައި އާންމުންނަށް ފެންނަގޮތަށް ބަހައްޓާފައި ހުންނަންވާނީ ގައުމީ ތަރިކައިގެ ގޮތުގައި މަރުކަޒުން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ ސަގާފީ ތަރިކައެވެ.
(ބ) ދިވެހިރާއްޖޭގެ ގައުމީ ދާރުލްއާސާރުގައި ހުންނަ ތަކެއްޗަކީ އަގުނުކުރެވޭވަރުގެ އަގުހުރިތަކެތި ކަމަށްވާތީ، އެ ތަކެއްޗަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ދާއިމީ ރައްކާތެރިކަން ފޯރުކޮށްދޭންވާނެއެވެ. އަދި ކޮމިށަނަރ އޮފް ޕޮލިސް އެކަން ކަށަވަރުކުރަންވާނެއެވެ. އަދި ސިޓީ ޕޮލިސް އުފެދުމުން، މިކަން ސިޓީ ޕޮލިސްގެ ދަށަށް ބަދަލުކުރަންވާނެއެވެ.
53 ވަނަ މާއްދާ - އަމިއްލަ ދާރުލްއާސާރުތަކާއި އާޓް މިއުޒިއަމްތައް
(ހ) އަމިއްލަ ފަރާތްތަކުން ދާރުލްއާސާރުތަކާއި އާޓް މިއުޒިއަމްތައް ރަޖިސްޓަރީކޮށް ހިންގާނެގޮތުގެ ގަވާއިދެއް މަރުކަޒުން އެކުލަވާލައި އާންމުކުރަންވާނެއެވެ.
(ށ) އަމިއްލަ ފަރާތްތަކުން ދާރުލްއާސާރުތަކާއި އާޓް މިއުޒިއަމްތައް ހުޅުވައި ހިންގަންވާނީ، މަރުކަޒުގެ ލަފާގެމަތިން އެ ތަނެއްގެ އިހްތިޞާސް ލިބިގެންވާ ކައުންސިލަށް ހުށަހަޅައި، ރަޖިސްޓަރީކޮށްގެންނެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ހަދާ ގަވާއިދުގައި، އަމިއްލަ ދާރުލްއާސާރުތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ އުސޫލުތައް ބަޔާންކުރަންވާނެއެވެ.
ދިހަވަނަ ބާބު
ކުށާއި އަދަބު
54 ވަނަ މާއްދާ - ސަގާފީ ތަރިކައަށް ގެއްލުން ދިނުމާއި އިހުމާލުވުން
(ހ) އަންނަނިވި ކަމެއް ކުރުމަކީ ނުވަތަ ކުރަންއުޅުމަކީ މި ގާނޫނުގެ ދަށުން ކުށެކެވެ.
- ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ތެރޭގައި ހިމެނޭ އެއްވެސް އެއްޗެއް ނުވަތަ ތަނެއް ނުވަތަ ސަރަހައްދެއް ހަލާކުކޮށް، ގެއްލުންދީ ނުވަތަ ނެތިކޮށްލުމުގެ ގޮތުން ކުރާ އެންމެހައި ކަންކަން.
- ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ތެރޭގައި ހިމެނޭ އެއްވެސް އެއްޗަކަށް ބަދަލުގެނެސް، ނުވަތަ އެ އެއްޗެއްގެ އަސްލު އޮޅުވާލައި ނުވަތަ އުނިއިތުރު ގެނައުން؛
- ދިވެހިރާއްޖޭގެ ނުވަތަ އެހެން ގައުމެއްގެ ތަރިކައިގެ ގޮތުގައި ހިމެނޭ އެއްވެސް އެއްޗެއް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ ޚިލާފަށް އިމްޕޯޓުކުރުން ނުވަތަ އެކްސްޕޯޓުކުރުން ނުވަތަ ވިއްކުން؛
- މަރުކަޒުގެ ހުއްދަ ނެތި ސަގާފީ އަގެއް ހުރި އެއްޗެއް ހޯދުމުގެ ބޭނުމުގައި ތަންތަން ކޮނުން؛
- ދިވެހިރާއްޖޭގެ ސަރަހައްދުގައި ހިމެނޭ އެއްވެސް ތަނެއް ކޮންނަނިކޮށް ދިވެހިރާއްޖޭގެ ސަގާފީ ތަރިކަކަމަށް ބެލެވޭ އެއްޗެއް ނުވަތަ ތަނެއް ފެނި، އެ ކަމުގެ މައުލޫމާތު މަރުކަޒަށް ނާންގައި ހުރުން؛
- ސަގާފީ ތަރިކައާބެހޭ ސައްހަނޫން މައުލޫމާތު ފެތުރުން.
(ށ) މި ގާނޫނުން ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދަކުން ބާރު ލިބިގެން ދިވެހިރާއްޖޭގެ ތަރިކަ އޭގެ އަސްލު ނުގެއްލޭ ގޮތަށް ގިނަ ދުވަހަށް ދެމެހެއްޓުމަށް ކަމާބެހޭ އިދާރާއަކުން ނުވަތަ އެ ކަމަށް ހުއްދަ ލިބިފައިވާ ފަރާތަކުން ކުރާ މަސައްކަތަކީ އެ ތަރިކައަކަށް ގެއްލުން ދިނުން ކަމުގައެއް ނުބެލެވޭނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކޮށްފިކަމަށް މަރުކަޒަށް ގަބޫލުކުރެވިއްޖެނަމަ އެކަން ތަހްގީގުކުރުމަށް ތަހްގީގީ އިދާރާއަކަށް ހުށަހަޅަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއްކޮށްފި މީހެއްގެ އަދަބަކީ، އެ ސަގާފީ ތަރިކައިގެ ފާހަގަކުރެވޭ ސަގާފީ އަގަށް ބަލައި، 10,000 (ދިހަހާސް) ރުފިޔާއާއި 1,000,000 (އެއް މިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއްކޮށްފި މީހަކަށް، މި މާއްދާގެ (ރ) ގައި ކަނޑައަޅާފައިވާ އަދަބުގެ އިތުރުން، ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ ދަށުން އެ ކުށަކަށް އަދަބެއް ކަނޑައެޅިފައިވާނަމަ، އެ ކުށުގެ ކުޑަ ބޮޑު މިނަށް ބަލައި ކުށް ކުރި މީހާގެ މައްޗަށް އެ ގާނޫނުގެ ދަށުން ޖިނާއީ ދައުވާކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
(ޅ) މި މާއްދާގެ (ރ) ގައި ބަޔާންކުރާ ޖޫރިމަނާކުރުމުގެ އުސޫލު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
އެގާރަވަނަ ބާބު
އެހެނިހެން ކަންކަން
55 ވަނަ މާއްދާ - އުވާލެވޭ ގާނޫނު
މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ގާނޫނު ނަންބަރު 1979-27 (ދިވެހިރާއްޖޭގައި ހުރި އާސާރީ އަދި ތާރީހީ ތަންތަނާއި ތަކެއްޗާ ބެހޭ ގާނޫނު) އުވުނީއެވެ.
56 ވަނަ މާއްދާ - ގަވާއިދު ހެދުން
(ހ) މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންނުކުރާހާ ހިނދަކު، މި ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތަކާއި އުސޫލުތަކާއި މިންގަނޑުތައް ހަދައި އާންމުކުރާނީ މަރުކަޒުންނެވެ.
(ށ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ހަދައި އާންމުކުރަންވާނެއެވެ.
57 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން
މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
58 ވަނަ މާއްދާ - މާނަކުރުން
މި ގާނޫނުގައި އިބާރާތެއް ނުވަތަ ލަފްޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާ ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފްޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފްޒުތަކަށް ތިރީގައި ދީފައިވާ މާނައެވެ.
(ހ) "ދިވެހިރާއްޖޭގެ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 3 ވަނަ މާއްދާގައި ބުނެފައިވާ ސަރަހައްދަށެވެ.
(ށ) "އަލަށް ފެންނަ ތަކެތި" ކަމަށް ބުނެފައި އެވަނީ، މީގެކުރިން ދިވެހިރާއްޖޭގެ ސަރަހައްދަކުން ފެނިފައި ނުވާ ދިވެހިރާއްޖޭގެ ތަރިކަކަމުގައި ބެލެވޭ ކޮންމެ އެއްޗެކެވެ.
(ނ) "އަލަށް ފެންނަ ތަންތަން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ސަރަހައްދުގައި ކުރިން ހުރިކަން ނުވަތަ އޮތްކަން އެނގިފައި ނުވާ ތަރިކައިގެ ގޮތުގައި ބެލެވޭ ތަންތަނަށެވެ.
(ރ) "ފަރާތް" ކަމަށް ބުނެފައި އެވަނީ، ގާނޫނީ ގޮތުން ވަކި ނަމެއްގައި މީހަކު ނުވަތަ ބަޔަކު ސަރުކާރުގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ކުންފުނި ޖަމްއިއްޔާ ޖަމާއަތްފަދަ ހުރިހާ ތަންތަނާއި ވަކިވަކި ފަރުދުން ހިމެނޭ ގޮތުންނެވެ.
(ބ) "ލޯކަލް ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އެކުލަވާލާފައިވާ ކައުންސިލްތަކަށެވެ.
(ޅ) "ވަޒީރު" ކަމަށް ބުނެފައި އެވަނީ، ސަގާފީ ތަރިކައިގެ ކަންކަމަށް ޒިންމާވާ ވުޒާރާގެ ވަޒީރަށެވެ.
(ކ) "ވުޒާރާ" ކަމަށް ބުނެފައި އެވަނީ، ސަގާފީ ތަރިކައިގެ ކަންކަމަށް ޒިންމާވުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
(އ) "މަރުކަޒު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން އުފައްދާ "ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒު" އަށެވެ.
(ވ) "ގާނޫނު ތަންފީޒުކުރާ އިދާރާ" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިތުރުން ދިވެހިރާއްޖެއިން ފުރާ އަދި ދިވެހިރާއްޖެއަށް އަންނަ މީހުންގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އުފުލާ އިދާރާތަކަށެވެ.
(މ) "ތަހްގީގީ އިދާރާ" ކަމަށް ބުނެފައި އެވަނީ، ފުލުހުން ނުވަތަ ޖިނާއީ ކުށްތައް ތަހްގީގުކުރުމުގެ ބާރު ގާނޫނުއަސާސީންނާއި، ގާނޫނުން ލިބިދީފައިވާ ކޮންމެ ފަރާތަކަށެވެ.
(ފ) "އުރުފު" ކަމަށް ބުނެފައި އެވަނީ، މީސްތަކުންގެ މެދުގައި އާންމުވެފައިވާ، މީހުން ބަލައިގަނެފައިވާ ކަންކަމަށެވެ.
އުވާލެވުނު ގާނޫނު
އާސާރީ އަދި ތާރީހީ ތަންތަނާއި ތަކެއްޗާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1979-27)
މި ގާނޫނު ގެ ދަށުން ހެދިފައިވާ ގަވާއިދު
ދާރުލްއާސާރު ހިންގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 38/2020)
ސަގާފީ ތަރިކަ ރައްކައުތެރި ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 37/2020)
ކިޔުންތެރިންގެ ހިޔާލު