ގާނޫނުއަސާސީ - 2008
(މި ގާނޫނުއަސާސިން ވަނީ 1998 ގެ ގާނޫނުއަސާސީ އުވާލެވިފައި)
ފުރަތަމަ ބާބު
ދައުލަތާއި، އަމިއްލަ ވެރިކަމާއި، ރައްޔިތުން
1 ވަނަ މާއްދާ – ގާނޫނުއަސާސީ
މި ގާނޫނުއަސާސީ އަކީ ”ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ“ އެވެ. މީގެ ފަހުން މި ގާނޫނުއަސާސީ ގައި ”ގާނޫނުއަސާސީ“ މި ނަމުން އިށާރާތްކުރެވެނީ ”ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ “ އަށެވެ.
2 ވަނަ މާއްދާ - ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ
ދިވެހިރާއްޖެއަކީ ފުރިހަމަ މިނިވަންކަން ލިބިގެންވާ، އިސްލާމީ އުސޫލުތަކުގެ މައްޗަށް ބިނާކުރެވިފައިވާ، އަމިއްލަ ވެރިކަންކުރާ، ދީމިގްރާތީ، ޖުމްހޫރީ އަދި ޔުނިޓަރީ ދައުލަތެކެވެ. މި ދައުލަތުގެ ނަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއެވެ. މީގެ ފަހުން މި ގާނޫނުއަސާސީ ގައި ”ދިވެހިރާއްޖެ“ މި ނަމުން އިށާރާތްކުރެވެނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއަށެވެ.
3 ވަނަ މާއްދާ - ދިވެހިރާއްޖޭގެ ސަރަހައްދު
ދިވެހިރާއްޖޭގެ ސަރަހައްދަކީ، ގާނޫނުގައިވާ ގޮތުގެމަތީން ދަމައިލެވޭ، ރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންތަކުގެތެރޭގައިވާ ބިމާއި، ޖައްވާއި،ކަނޑާއި، ކަނޑުގެ އަޑީގައިވާ ބިމާއި، މިބުނެވިދިޔަ ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ ރާއްޖޭގެ ސަރަހައްދީ ކަނޑާއި، އެ ކަނޑުގެ އަޑީގައިވާ ބިމާއި، އެ ކަނޑާ ގުޅިފައިވާ ޖައްވެވެ. ދިވެހިރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްވާ ގާނޫނަކުންނެވެ.
4 ވަނަ މާއްދާ – ރައްޔިތުންގެ ބާރު
ދިވެހިދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މި ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައެވެ.
5 ވަނަ މާއްދާ – ގާނޫނު ހެދުމުގެ ބާރު
ދިވެހިރާއްޖޭގައި ގާނޫނުހެދުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށެވެ.
6 ވަނަ މާއްދާ – ވެރިކަން ހިންގުމުގެ ބާރު
މި ގާނޫނުއަސާސީ ގައި ބަޔާންވެގެންވާ ގޮތުގެމަތީން ވެރިކަން ހިންގުމުގެ ބާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.
7 ވަނަ މާއްދާ – އަދުލު އިންސާފު ގާއިމްކުރުމުގެ ބާރު
އަދުލު އިންސާފު ގާއިމްކުރުމުގެ ބާރު ލިބިގެންވަނީ ދިވެހިރާއްޖޭގެ ކޯޓުތަކަށެވެ.
8 ވަނަ މާއްދާ – ގާނޫނު އަސާސީގެ ސިޔާދަތު
ދިވެހިދައުލަތުގެ އެންމެހައި ބާރުތައް ހިންގާންވާނީ މި ގާނޫނުއަސާސީ ގައިވާ ގޮތުގެމަތީންނެވެ.
9 ވަނަ މާއްދާ – ދިވެހިރައްޔިތް
(ހ) ތިރީގައި މިވާ މީހުންނަކީ ދިވެހިރައްޔިތުންނެވެ.
- މި ގާނޫނުއަސާސީ އަށްއަމަލުކުރާންފަށާއިރު ދިވެހިރައްޔިތެއް ކަމުގައިވާ ކޮންމެ މީހެއް.
- ދިވެހިރައްޔިތަކަށް އުފަން ކޮންމެ ދަރިއެއް.
- ގާނޫނުގައިވާ ގޮތުގެމަތީން ދިވެހިރައްޔިތަކަށްވެއްޖެ ކޮންމެ ބިދޭސީ އެއް.
(ށ) ދިވެހިރައްޔިތެއްގެ ކިބައިން ދިވެހިރައްޔިތުކަން ނިގުޅައެއް ނުގަނެވޭނެއެވެ.
(ނ) ދިވެހިރައްޔިތުކަން ދޫކޮށްލަން އެދޭ ކޮންމެ މީހަކަށް ގާނޫނުގައިވާ ގޮތުގެމަތީން ދިވެހިރައްޔިތުކަން ދޫކޮށްލެވިދާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް މުސްލިމަކަށް މެނުވީ ދިވެހިރައްޔިތަކަށް ނުވެވޭނެއެވެ.
10 ވަނަ މާއްދާ - ދައުލަތުގެ ދީން
(ހ) ދިވެހިދައުލަތުގެ ދީނަކީ އިސްލާމްދީނެވެ. އަދި އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ގާނޫނުގެމައިގަނޑު މަސްދަރެކެވެ.
(ށ) ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަސްލަކާ ހިލާފު އެއްވެސް ގާނޫނެއް ނުހެދޭނެއެވެ.
11 ވަނަ މާއްދާ - ގައުމީ ބަސް
ދިވެހިރާއްޖޭގެ ގައުމީ ބަހަކީ ދިވެހިބަހެވެ.
12 ވަނަ މާއްދާ - ގައުމީ ދިދަ
(ހ) ދިވެހިރާއްޖޭގެ ގައުމީ ދިދަ އެކުލެވިގެންވަނީ ފެހިކުލައިގެ ދިގު އަކައެއްގެ މެދުގައި ހުންނަ ހުދު ހަނދުފަޅިއަކާއި، މި ފެހި ދިގު އަކައިގެ ބޭރުން ހުންނަ ރަތްކުލައިގެ ބޯޑަރެއްގެ މައްޗަށެވެ.
(ށ) ގައުމީ ދިދައިގެމިންތަކާއި، ކުލަކޯޑާއި، ހަނދުފަޅި ހުންނާންވާނީ މި ގާނޫނުއަސާސީ ގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިއެވާ ގޮތަށެވެ.
13 ވަނަ މާއްދާ - ދިވެހިރާއްޖޭގެ ފައިސާ
ދިވެހިރާއްޖޭގެ ފައިސާގެ ޔުނިޓަކީ، ރުފިޔާ އެވެ. މި ރުފިޔާ އެކުލެވިގެންވަނީ ސަތޭކަ ލާރީގެ މައްޗަށެވެ.
14 ވަނަ މާއްދާ - ވެރިކަންކުރާ ރަށް
ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށަކީ މާލެއެވެ.
15 ވަނަ މާއްދާ - ގައުމީ ދުވަސް
ދިވެހިރާއްޖޭގެ ގައުމީ ދުވަހަކީ ރަބީއުލްއައްވަލް މަހުގެ އެއްވަނަ ދުވަހެވެ.
ދެވަނަ ބާބު
އަސާސީ ހައްގުތަކާއި މިނިވަންކަން
16 ވަނަ މާއްދާ - ހައްގުތައް ކަށަވަރުކޮށްދިނުން
(ހ) މި ބާބުގައި ބަޔާންކޮށްފައިވާ އެންމެހައި ހައްގުތަކާއި މިނިވަންކަން އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާނޭ ގޮތުގެމަތީން ކޮންމެ މީހަކަށްމެ ލިބިގެންވާކަން މި ގާނޫނުއަސާސީ ކަށަވަރުކޮށްދެއެވެ. އަދި މިއިން އެއްވެސް ހައްގެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ މި ގާނޫނުއަސާސީ އާ ތައާރުޒްނުވާ ގޮތެއްގެމަތީން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުންނެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ވެސް އެއިން ހައްގެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ، މިނިވަން، ދީމިގްރާތީ މުޖްތަމައެއްގައި މިފަދަ ހައްގެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ގަބޫލުކުރެވޭ މިންވަރަކަށެވެ.
(ށ) އިސްލާމްދީނުގެ އަސްލުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި، މި ބާބުގައި ބަޔާންކޮށްފައިވާ ހައްގެއް ނުވަތަ މިނިވަންކަމެއް މި ގާނޫނުއަސާސީ ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ހިފެހެއްޓުމަކަށް މި މާއްދާގެ (ހ) ހުރަހެއް ނާޅައެވެ.
(ނ) މި ބާބުގައި ބަޔާންކޮށްފައިވާ ހައްގެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފަހައްޓައިފައިވަނީ މި މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެމަތީންތޯ ކަނޑައެޅުމުގައި ކޯޓުން އެ ކަމަކާ ގުޅޭ ހުރިހައި ކަންތައްތަކަށް ފުރިހަމައަށް ރިއާޔަތްކުރާން ވާނެއެވެ. މީގެތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
- އެ ހައްގެއްގެ ނުވަތަ އެ މިނިވަންކަމެއްގެ ޒާތާއި ބާވަތް.
- އެ ހައްގެއް ނުވަތަ އެ މިނިވަންކަމެއް ހިފެހެއްޓުމުގެ ބޭނުމާއި، މުހިންމުކަން.
- އެ ހައްގެއް ނުވަތަ އެ މިނިވަންކަމެއް ހިފަހައްޓައިފައިވާ ގޮތާއި މިންވަރު.
- އެ ހައްގެއް ނުވަތަ އެ މިނިވަންކަމެއް ހިފެހެއްޓި ހިފެހެއްޓުމާ އެ ހައްގެއް ނުވަތަ އެ މިނިވަންކަމެއްގެ މުހިންމުކަމާ ހުރި ގުޅުން.
- އެ ހައްގެއް ނުވަތަ އެ މިނިވަންކަމެއް ހިފަހައްޓައިފައިވާ މިންވަރަށްވުރެ ކުޑަކޮށް ހިފަހައްޓައިގެން ބޭނުންވާ މަގްސަދު ހާސިލް ކުރެވިދާނެތޯ
- އެ ހައްގެއް ނުވަތަ އެ މިނިވަންކަމެއް ހިފަހައްޓައިފައިވަނީ މި މާއްދާގެ (ށ) ގެ ދަށުން ނަމަ، އިސްލާމްދީނުގެ އަސްލުތައް ރައްކާތެރިކުރުމަށްޓަކައި އެ ހައްގެއް ނުވަތަ އެ މިނިވަންކަމެއް ކޮންމެހެން ހިފަހައްޓާންޖެހޭތޯ
(ރ) މި ބާބުގައި ބަޔާންކޮށްފައިވާ ހައްގެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފަހައްޓައިފައިވަނީ މި ގާނޫނުއަސާސީ ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން އެކަށީގެންވާ މިންވަރަށްކަން ސާބިތުކޮށްދިނުމަކީ ދައުލަތުގެ ނުވަތަ އެ ހައްގެއް ނުވަތަ އެ މިނިވަންކަމެއް ހިފެހެއްޓި ފަރާތެއްގެ ޒިންމާ އެކެވެ.
17 ވަނަ މާއްދާ – ތަފާތުނުކުރުން
(ހ) މި ބާބުގައި ބަޔާންކޮށްފައިވާ ހައްގުތަކާއި މިނިވަންކަން، މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން އެއްވެސް ގޮތަކުން ތަފާތުކުރުމެއްނެތި ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. މި ހައްގުތަކާއި މިނިވަންކަން ލިބުމުގައި، އެ މީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ގައުމަށް، ނުވަތަ ކުލަޔަށް، ނުވަތަ ޖިންސަށް، ނުވަތަ އުމުރަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް، ނުވަތަ އެ މީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެރި ކަމަށް، ނުވަތަ ނިސްބަތްވާ އާއިލާއަށް ނުވަތަ އުފަންރަށަށް، ނުވަތަ މިނޫންވެސް ކަމަކަށް ބަލައި ތަފާތުކޮށްގެނެއްނުވާނެއެވެ.
(ށ) މުޖްތަމައުގެ އާންމު ހާލަތަށްވުރެ ނިކަމެތިކަމެއް ލިބިފައިވާ މީހަކަށް، ނުވަތަ ބަޔަކަށް، ނުވަތަ އިޖްތިމާއީ ގޮތުން ހާއްސަ ރައްކާތެރިކަމެއް ލިބިދޭންޖެހޭ ބަޔަކަށް އެހީތެރިވެދިނުމަށްޓަކައި، ނުވަތަ ރައްކާތެރިކަން ލިބިދިނުމަށްޓަކައި ކުރާ ކަންތައްތަކަކީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ތަފާތުކުރުމެއް ކަމުގައެއް ނުވާނެއެވެ.
18 ވަނަ މާއްދާ - ދައުލަތުގެ ވާޖިބު
މި ގާނޫނުއަސާސީ އާ އެއްގޮތަށް އަމަލުކުރުމާއި، މި ބާބުގައި ބަޔާންވެގެންވާ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކޮށް، ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެކެވެ.
19 ވަނަ މާއްދާ – މަނާކުރެވިފައި ނުވާ ކަންކަން ކުރުމުގެ މިނިވަންކަން
އިސްލާމީ ށަރީއަތުގައި ނުވަތަ ގާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައިނުވާ ކޮންމެ ކަމެއްކުރުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށްމެ ލިބިގެންވެއެވެ. އަދި ގާނޫނަކުން ހުއްދަ ލިބިގެންމެނުވީ އެއްވެސް މީހަކު ކުރާ އެއްވެސް ކަމަކަށް ހަމަ އެކަކުވިޔަސް ހުރަސްއަޅައި ހުއްޓުވައިގެނެއް ނުވާނެއެވެ.
20 ވަނަ މާއްދާ – ހަމަހަމަކަން
ގާނޫނުގެ ކުރިމަތީގައި، އަދި އެ މީހެއްގެ މައްޗަށް ގާނޫނު ހިންގުމުގައި ކޮންމެ މީހަކީ ވެސް ހަމަހަމަވެގެންވާ މީހެކެވެ. އަދި ގާނޫނުގެ ރައްކާތެރިކަމާއި، ގާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ ހަމަ ކޮންމެ މީހެއްގެ ވެސް ހައްގެކެވެ.
21 ވަނަ މާއްދާ - ދިރިހުރުމުގެ ހައްގު
ކޮންމެމީހަކަށްމެ، ދިރިހުރުމުގެހައްގާއި، އަމިއްލަ މިނިވަންކަމާއި، ނަފްސު ރައްކާތެރިކުރުމުގެ ހައްގު ލިބިގެންވެއެވެ. ފަހެ، މި ގާނޫނުއަސާސީ ގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ހަދައިފައިވާ ގާނޫނަކީ އެއްގޮތަށް މެނުވީ އެއްވެސް މީހެއްގެ ކިބައިން، މިއިން ހައްގެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ނިގުޅައިގަނެވިގެނެއް ނުވާނެއެވެ.
22 ވަނަ މާއްދާ - ތިމާވެށި ހިމާޔަތްކުރުން
ދިވެހިރާއްޖޭގެ ގުދްރަތީ ތިމާވެށްޓާއި، ދިރޭތަކެތީގެ މުއްސަނދިކަމާއި، ގުދްރަތީ ވަސީލަތްތަކާއި ރީތިކަން މިހާރުގެ ޖީލުތަކަށާއި އަންނާން އޮތް ޖީލުތަކުގެ މަންފާއަށްޓަކައި ރައްކާތެރިކޮށް ދެމެހެއްޓުމަކީ ދައުލަތުގެ އަސާސީ ވާޖިބެކެވެ. އިގްތިސާދީ އަދި އިޖްތިމާއީ ކުރިއެރުން ހޯދުމަށް ކުރެވޭ މަސައްކަތްތަކަކީ ތިމާވެށި ހިމާޔަތްކުރެވޭ، ދެމެހެއްޓެނިވި ތަރައްގީގެ އުސޫލުތަކުގެ މަތީން ކުރެވޭ ކަންތައްތައް ކަމަށް ހެދުމަށާއި، މިފަދަ ހަރަކާތްތަކުގެ ސަބަބުން ތިމާވެށި ތަގައްޔަރުވިޔަ ނުދިނުމަށާއި، ދިރޭތަކެތީގެ ނަސްލެއް ނެތިގެން ދިޔަ ނުދިނުމަށާއި، ތިމާވެށި ހަލާކުވިޔަ ނުދިނުމަށާއި، ގުދްރަތީ ވަސީލަތްތައް ބޭކާރުވިޔަ ނުދިނުމަށް ދައުލަތުން ބާރުއަޅާންވާނެއެވެ.
23 ވަނަ މާއްދާ – އިގްތިސާދީ އަދި އިޖްތިމާއީ ހައްގުތައް
އަންނަނިވި ހައްގު ތަކަކީ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ ހައްގުތަކެއް ކަމަށް މި ގާނޫނުއަސާސީން ކަނޑައަޅާ ހިނދު، ދައުލަތުގެ ތަނަވަސްކަމާއި، ކުޅަދާނަކަން ހުރި މިންވަރަކަށް އެ ހައްގުތައް ރައްޔިތުންނަށް ހޯދޭނޭ މަގު ތަނަވަސްކޮށްދިނުމަށް ދައުލަތުން މަސައްކަތް ކުރާންވާނެއެވެ.
(ހ) ރަނގަޅު ކާނާއާއި، ސާފު ފެން ފުދޭ މިންވަރަށް ލިބުން.
(ށ) ފޭރާމާއި ހިޔާވަހިކަން ލިބުން.
(ނ) ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތްތައް ލިބުން.
(ރ) ދިރިއުޅޭނޭ ސާފު އަދި ސިއްހަތަށް ރަނގަޅު މާހައުލެއް ލިބުން.
(ބ) ދިވެހިރާއްޖޭގެ ތަބީއީ މުއްސަނދިކަމާއި، ދަތުރުފަތުރު ކުރުމުގެ ވަސީލަތްތަކާއި، ދައުލަތުގެ ހަބަރު ފަތުރާ ވަސީލަތްތަކާއި، ހުރިހައި ބާވަތެއްގެ މުއާސަލާތީ ހިދުމަތްތައް ހަމަހަމަކަމާއެކު ބޭނުންކުރުމުގެ ފުރުސަތު ލިބުން.
(ޅ) މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް އެ ރަށަކާ އެކަށީގެންވާ މިންވަރުގެ ނަރުދަމާ ނިޒާމެއް ގާއިމްވެފައިއޮތުން.
(ކ) މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް އެ ރަށަކާ އެކަށީގެންވާ މިންވަރަށް ކަރަންޓުގެ ހިދުމަތް ގާއިމްވެފައިއޮތުން.
24 ވަނަ މާއްދާ - ޒާތީ ދިރިއުޅުން
ކޮންމެ މީހެއްގެ ޒާތީ އަދި އާއިލީ ދިރިއުޅުމާއި، ގޮވަތި ގެދޮރާއި، އަނެކުންނާ ކުރާ ޒާތީ މުއާސަލާތުތަކަކީ ހުރުމަތްތެރިވެގެންވާ ކަންކަމާއި ތަންތަނެވެ. ހަމަ ކޮންމެމީހަކުމެ، އަނެކުންގެ މި ބުނެވުނު ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތާންވާނެއެވެ.
25 ވަނަ މާއްދާ – އަޅުވެތިނުކުރުމާއި، ގަދަކަމުން މަސައްކަތްނުކުރުވުން
(ހ) އެއްވެސް މީހަކު އަޅުވެތިކޮށްގެނެއް ނުވާނެއެވެ. އަދި އެއްވެސް މީހަކު ލައްވައި މަޖުބޫރުން މަސައްކަތްކުރުވައިގެނެއް ނުވާނެއެވެ.
(ށ) ސިފައިންގެ އިލްޒާމީ ހިދުމަތަށް ގޮވައިލުމާއި، ކުއްލި ނުރައްކަލުގެ ހާލަތްތަކުގައްޔާއި ފަރުދުންގެ ފުރާނައާއި މުޖްތަމައުގެ ރައްކާތެރިކަން ގެއްލިދާނެފަދަ މުސީބާތެއް ދިމާވެއްޖެ ހާލަތްތަކުގައި އާންމު ހިދުމަތަށް ގޮވައިލުމާއި، ކޯޓުގެ ހުކުމެއް ތަންފީޒުކުރުމުގެ ގޮތުން މަސައްކަތްކުރާންޖެހުމަކީ މި މާއްދާގެ (ހ) އާ ތައާރުޒްވާ ކަމެއް ނޫނެވެ.
26 ވަނަ މާއްދާ – ވޯޓްދިނުމުގެ ހައްގާއި އިންތިހާބުތަކަށް ކުރިމަތިލުމުގެ ހައްގު
މި ގާނޫނުއަސާސީ ގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު އުމުރުން އަށާރަ އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށްމެ އަންނަނިވި ހައްގުތައް ލިބިގެންވެއެވެ.
(ހ) އިންތިހާބުތަކުގައްޔާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުތަކުގައި ވޯޓުދިނުމުގެ ހައްގު. މިފަދަ ވޯޓުތަކަކީ ސިއްރު ވޯޓުތަކަކަށް ވާންވާނެއެވެ.
(ށ) އިންތިހާބުތަކުގައި އެކިއެކި މަގާމުތަކަށް ކުރިމަތިލުމުގެ ހައްގު.
(ނ) އެ މީހަކު އަމިއްލައަށް، ނުވަތަ އެ މީހަކު މިނިވަންކަމާއެކު އިހްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ހައްގު.
27 ވަނަ މާއްދާ - ހިޔާލުފާޅުކުރުމުގެ މިނިވަންކަން
މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތެއްގެމަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ހިޔާލުތައް ދުލާއި ގަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.
28 ވަނަ މާއްދާ - ނޫސްވެރިކަމުގެ މިނިވަންކަން
ނޫސްވެރިކަން ކުރުމާއި، މުއާސަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. މީގެތެރޭގައި ހަބަރާއި، މައުލޫމާތާއި، ފެންނަ ގޮތްތަކާއި، ހިޔާލުތައް ފާޅުކުރުމާއި، ށާއިއުކުރުމާއި، ފެތުރުމުގެ މިނިވަންކަން ހިމެނެއެވެ. މިގޮތުން ށާއިއުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މައުލޫމާތެއްގެ މަސްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެނެއް ނުވާނެއެވެ.
29 ވަނަ މާއްދާ – މައުލޫމާތު ހޯދުމާއި މައުލޫމާތު ދިނުމުގެ މިނިވަންކަން
އުނގެނުމާއި، އުނގަންނައިދިނުމާއި، މައުލޫމާތު ހޯދުމާއި، މައުލޫމާތު ދިނުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.
30 ވަނަ މާއްދާ – ސިޔާސީ ޕާޓީތަކާއި، ޖަމްއިއްޔާތަކާއި، ޖަމާއަތްތައް ހެދުމުގެ މިނިވަންކަން
(ހ) ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ކޮންމެ ރައްޔިތަކަށްމެ ލިބިގެންވެއެވެ.
(ށ) ޖަމްއިއްޔާތަކާއި ޖަމާއަތްތައް ހެދުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. މީގެ ތެރޭގައި އަންނަނިވި ހައްގުތައް ހިމެނެއެވެ.
- އިގްތިސާދީ، އިޖްތިމާއީ، ތައުލީމީ، ސަގާފީ މަގްސަދުތަކަށްޓަކައި، ޖަމްއިއްޔާ ނުވަތަ ޖަމާއަތް އުފައްދައި، އެފަދަ ޖަމްއިއްޔާތަކާއި ޖަމާއަތްތަކުގައި ބައިވެރިވުމުގެ ހައްގު.
- މަސައްކަތްތެރީންގެ ޖަމްއިއްޔާތައް އުފެއްދުމާއި، އެފަދަ ޖަމްއިއްޔާތަކުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމާއި ނުވުމުގެ ހައްގު.
31 ވަނަ މާއްދާ – ހަޅުތާލުކުރުމުގެ ހައްގު
އިހްތިޖާޖުކުރުމަށްޓަކައި ހަޅުތާލުކުރުމުގެގޮތުން މަސައްކަތްހުއްޓައިލައިގެން ތިބުމުގެ ހައްގު ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނާއި އެނޫންވެސް މަސައްކަތްތެރީންނަށް ލިބިގެންވެއެވެ.
32 ވަނަ މާއްދާ – އެއްވެއުޅުމުގެ މިނިވަންކަން
ދައުލަތުގެ ހުއްދައެއް ކުރީން ހޯދުމަކާނުލައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.
33 ވަނަ މާއްދާ – ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގު
އެމީހެއްގެ ނަމާއި އަބުރު ރައްކާތެރިކުރެވިފައި އޮތުމުގެ ހައްގު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.
34 ވަނަ މާއްދާ – ކައިވެނިކުރުމާއި އާއިލާ ގާއިމްކުރުމުގެ ހައްގު
(ހ) ގާނޫނުގައި ކައިވެނިކުރެވޭ އުމުރުކަމުގައި ކަނޑައަޅައިފައިވާ އުމުރުގެ ކޮންމެ މީހަކަށްމެ، ގާނޫނުގައި ކަނޑައަޅައިފައިވާ ގޮތުގެމަތީން ކައިވެނިކުރުމާއި، އާއިލާ ގާއިމްކުރުމުގެ ހައްގު ލިބިގެންވެއެވެ. އަދި އާއިލާއަކީ މުޖްތަމައުގެ ތަބީއީ އަދި އަސާސީ ބިންގާކަމަށް ވީހިނދު، ކޮންމެ އާއިލާއަކަށްމެ މުޖްތަމައާއި ދައުލަތުގެ ހާއްސަ ރައްކާތެރިކަން ލިބިދޭންވާނެއެވެ.
(ށ) ކައިވެންޏެއް ރޫޅިއްޖެ ހާލަތެއްގައި ދަރީން ތިބިނަމަ، އެ ދަރީންނަށް ގާނޫނުގައިވާ ގޮތުގެމަތީން ހާއްސަ ރައްކާތެރިކަން ލިބިދޭންވާނެއެވެ.
35 ވަނަ މާއްދާ – ކުޑަކުދީންނާއި ޅަފުރާގެ ކުދީންނާއި އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ލިބޭ ހާއްސަ ރައްކާތެރިކަން
(ހ) އާއިލާގެ ފަރާތުންނާއި ޖަމާއަތުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ހާއްސަ ރައްކާތެރިކަން ލިބުމަކީ ކުޑަކުދީންނާއި ޅަފުރައިގެ ކުދީންނަށް ލިބިގެންވާ ހައްގެކެވެ. އަދި ކުޑަކުދީންނާއި ޅަފުރައިގެ ކުދީންނަށް އެއްވެސް ގޮތަކުން ހާނީއްކަކޮށް، ޖިންސީ ގޮތުން އަނިޔާކޮށް އެއްވެސް ގޮތަކުން ތަފާތުކޮށް އެކަށީގެންނުވާ އިގްތިސާދީ، އިޖްތިމާއީ ކަންތައްތަކުގައި ބައިވެރިކޮށް އެ މީހުންގެ ފުށުން ނާޖާއިޒް މަންފާތައް ހާސިލްކުރުމަށް ހަމަ އެކަކުވެސް މަސައްކަތްކޮށްގެނެއް ނުވާނެއެވެ.
(ށ) އާއިލާގެ ފަރާތުންނާއި ޖަމާއަތުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ލިބުމަކީ އުމުރުން ދުވަސްވީ މީހުންނާއި، ހާއްސައެހީއަށް ބޭނުންވާ މީހުންނަށް ލިބިގެންވާ ހައްގެކެވެ.
36 ވަނަ މާއްދާ - އުނގެނުމުގެ ހައްގު
(ހ) އެއްވެސް ބާވަތެއްގެ ތަފާތުކުރުމެއް ނެތި އުނގެނުމުގެ ހައްގު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.
(ށ) ފަށާ ތައުލީމާއި މެދުމަދުރަސީ ތައުލީމު ދައުލަތުން ހިލޭ ފޯރުކޮށްދޭން ވާނެއެވެ. ކުދީންނަށް ފަށާ ތައުލީމާއި މެދުމަދުރަސީ ތައުލީމު ދިނުމަކީ އެ ކުދީންގެ މައިންބަފައިންނާއި ދައުލަތުގެ މައްޗަށް ލާޒިމް ކަމެކެވެ. އަދި މަތީ ތައުލީމު އުނގެނުމުގެ ފުރުސަތު އެންމެހައި ރައްޔިތުންނަށް އާންމުކޮށް ހުޅުވައިލެވިފައި އޮންނާންވާނެއެވެ.
(ނ) ތައުލީމީ ނިޒާމުގެ ތެރެއިން އިސްލާމްދީނަށް ބޯލަނބައި ކިޔަމަންގަތުމަށް ބާރުއެޅުމަށާއި، އިސްލާމްދީނަށް ލޯބިޖެއްސުމަށާއި، އިންސާނީ ހައްގުތަކަށް އިހްތިރާމް ކުރުމަށާއި، އާންމުކޮށް އެންމެންގެ މެދުގައި ސުލްހަ މަސަލަސްކަމާއި ރަހުމަތްތެރިކަން ބާއްވައިގެން އުޅުމުގެ މުހިންމުކަން އުނގަންނައިދީ، މިކަންކަން ކުރިއެރުވުމަށް ބާރުއަޅާންވާނެއެވެ.
37 ވަނަ މާއްދާ - މަސައްކަތްކުރުމުގެ ހައްގު
(ހ) ކޮންމެ ރައްޔިތަކަށްމެ އެމީހަކު އިހްތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގެ ނުވަތަ މަސައްކަތެއް ކުރުމުގެ ހައްގު ލިބިގެންވެއެވެ.
(ށ) ހަމަހަމަކަމާއެކު މުއާމަލާތުކުރެވޭ، ރައްކާތެރި މާހައުލެއްގައި މަސައްކަތްކުރުމާއި، ކުރާ މަސައްކަތާ އެކަށީގެންވާ އުޖޫރައެއް ލިބުމާއި، ކުރާ މަސައްކަތް އެއް މިންގަނޑަކުން ވަޒަންކުރެވި އެއް ނިސްބަތަކުން ހަމަހަމަކަމާއެކު އުޖޫރަ ލިބުމާއި، އެއް ހަމައަކުން ވަޒީފާގެ ކުރިއެރުން ލިބުމުގެ ހައްގު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.
(ނ) ވަޒީފާއެއް އަދާކުރާ ކޮންމެ މީހަކަށްމެ، މަސައްކަތްކުރާންޖެހޭ ވަގުތު ކަނޑައެޅިފައިވުމާއި، އަރާމުކުރުމާއި މުނިފޫހިފިލުވުމަށް ވަގުތު ލިބުމުގެ ހައްގު ލިބިގެންވެއެވެ. އޭގެތެރޭގައި ވަކި މުއްދަތަކަށް މުސާރައާއެކު ޗުއްޓީ ލިބުމުގެ ހައްގުވެސް ހިމެނެއެވެ.
(ރ) ކޮންމެ މީހަކަށްމެ އަރާމުކުރުމާއި މުނިފޫހިފިލުވުމަށް ވަގުތު ހޭދަކުރުމުގެ ހައްގު ލިބިގެންވެއެވެ. ވަޒީފާއެއް އަދާކުރާ ކޮންމެ މީހަކަށްމެ މި ހައްގު ލިބިދިނުމަށްޓަކައި، މަސައްކަތްކުރާންޖެހޭ އެންމެ ގިނަ ވަގުތެއް ކަނޑައަޅައިފައި އޮންނާންވާނެއެވެ. އަދި އުޖޫރައާއެކު ލިބޭ ޗުއްޓީ ކަނޑައެޅިފައި އޮންނާންވާނެއެވެ.
38 ވަނަ މާއްދާ - ޕެންށަން ލިބުމުގެ ހައްގު
ދައުލަތުގެ ވަޒީފާއެއް އަދާކުރާ ކޮންމެ މީހަކަށްމެ، ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ޕެންށަން ލިބުމުގެ ހައްގު ލިބިގެންވެއެވެ.
39 ވަނަ މާއްދާ – ސަގާފީ ކަންކަމުގައި ބައިވެރިވެ އުޅުމުގެ ހައްގު
(ހ) ގައުމުގެ ސަގާފީ ހަރަކާތްތަކުގައި ބައިވެރިވުމާއި، ފަންނީ އަދި އަދަބީ ކަންކަމުން މަންފާ ލިބިގަތުމުގެ ހައްގު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.
(ށ) ދައުލަތުގެ ތަނަވަސްކަމާއި ފޯރުންތެރިކަން ހުރި މިންވަރަކުން، ތައުލީމާއި، ސަގާފަތާއި، އަދަބިއްޔާތާއި، ފަންނުތައް ކުރިއެރުވުމަށް ދައުލަތުން މަސައްކަތް ކުރާންވާނެއެވެ.
40 ވަނަ މާއްދާ – މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ހައްގު
(ހ) މުދާ ހޯދުމާއި، މިލްކުކުރުމާއި، ވާރުތަކުރުމާއި، ދިނުމާއި، މުދަލުން މުއާމަލާތުކުރުމުގެ ހައްގު ކޮންމެ ރައްޔިތަކަށްމެ ލިބިގެންވެއެވެ.
(ށ) މީސްމީހުންގެ މުދަލަކީ ނިގުޅައިގަނެގެންވާނޭ ތަކެއްޗެއް ނޫނެވެ. ފަހެ، އާންމުވެގެންވާ މަންފާއަކަށްޓަކައި، ގާނޫނުގައި ކަނޑައެޅި ބަޔާންކޮށްފައިވާ ގޮތެއްގެމަތީން، އަދި އެކަމަށްޓަކައި ކޯޓަކުން ކުރާ ހުކުމަކުން މެނުވީ އެއްވެސް މީހެއްގެ މުދަލެއް އެމީހެއްގެ ރުހުންނެތި ދައުލަތަށް ނަގައިގެނެއް ނުވާނެއެވެ. އަދި މީހެއްގެ މުދަލެއް ދައުލަތަށް ނަގާންވާނީ ކޯޓުން ކަނޑައަޅާ އަދުލުވެރި ބަދަލެއް އެ މުދަލެއްގެ ވެރިފަރާތަށް ދިނުމަށްފަހުގައެވެ.
(ނ) ގާނޫނާ ހިލާފަށް ހޯދައިފައިވާ މުދަލާއި، ދުށްމަނުންގެ މުދާ، ބަދަލު ދިނުމަކާ ނުލައި ދައުލަތަށް ނެގުމަށް ހުކުމްކުރުމުގެ ބާރު ކޯޓުތަކަށް ލިބިދޭފަދަ ގާނޫނެއް ހެދުމަކަށް މި މާއްދާގެ އެއްވެސް ބައެއް ހުރަހެއް ނާޅައެވެ.
(ރ) މީހަކު ކުރި ކުށެއްގެ ބަދަލުގައި އެ މީހެއްގެ މުދާ ދައުލަތަށް ހިފައިގެނެއް ނުވާނެއެވެ.
41 ވަނަ މާއްދާ – ދަތުރުފަތުރުކުރުމާއި ވަޒަންވެރިވުމުގެ މިނިވަންކަން
(ހ) ރާއްޖެއިން ފުރައިގެން ދިއުމާއި، ރާއްޖެއަށް އެނބުރި އައުމާއި، ރާއްޖޭގައި ހުރުމާއި ރާއްޖޭގެ އެކި ތަންތަނަށް ދަތުރުފަތުރުކޮށް އުޅުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށްމެ ލިބިގެންވެއެވެ.
(ށ) ދިވެހިރާއްޖޭގައި މީހުންދިރިއުޅޭ ކޮންމެރަށެއްގައި ވަޒަންވެރިވުމާއި، އެއްރަށުން އަނެއް ރަށަށް ހިޖުރަކުރުމުގެ ހައްގު ކޮންމެ ރައްޔިތަކަށްމެ ލިބިގެންވެއެވެ.
(ނ) އެ ރަށެއްގައި ދިރިއުޅޭ މީހުންނަށް ލިބޭ އެންމެހައި ހިދުމަތްތަކާއި، އިމްތިޔާޒުތައް ހަމަހަމަކަމާއެކު ލިބުމުގެ ހައްގު އެ ރަށެއްގައި ވަޒަންވެރިވާ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވެއެވެ.
42 ވަނަ މާއްދާ – އަދުލުވެރިކަމާއި ހާމަކަމާއެކު ށަރީއަތްކުރުން
(ހ) ކޮންމެ މީހެއްގެމެ މަދަނީ ހައްގުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި ނުވަތަ ޖިނާއީ ކުށެއްގެ ދައުވާ މީހެއްގެ މައްޗަށް އުފުލުމުގައި، ގާނޫނަކުން ގާއިމްކޮށްފައިވާ މިނިވަން އަދި މުސްތަގިއްލު ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި، އާންމުކޮށް ހުޅުވައިލެވިގެން ބާއްވާ، އަޑުއެހުމެއްގައި އިންސާފުން ށަރީއަތްކުރެވުމުގެ ހައްގު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.
(ށ) ދިވެހިރާއްޖޭގައި ހިންގާ އެންމެހައި ށަރީއަތްތައް ހިންގާންވާނީ އަދުލުވެރިކަމާއެކު، ވަކިފަރާތަކަށް ނުޖެހި، ހާމަކަމާއެކުގައެވެ.
(ނ) ށަރީއަތްތައް ހިންގާންޖެހެނީ އާންމުކޮށް ހުޅުވައިލައިގެން ކަމުގައިވީ ނަމަވެސް ތިރީގައި ވާ ސަބަބުތަކުންކުރެ ސަބަބަކަށްޓަކައި، ދީމިގްރާތީ އުސޫލުތަކާ ހިލާފުނުވާނޭ ގޮތެއްގެމަތީން، ށަރީއަތެއް އެކުގައި، ނުވަތަ ށަރީއަތަކުން ބައެއް، އާންމުކޮށް ހުޅުވައިނުލައި ކުރިއަށް ގެންދިއުމުގެ އިހްތިޔާރު އެށަރީއަތެއް ކުރާ ފަނޑިޔާރަކަށް ލިބިގެންވެއެވެ.
- މުޖްތަމައުގެ އަހްލާގީ އުސޫލުތައް ހިފެހެއްޓުން، ނުވަތަ މުޖްތަމައުގެ އަމަންއަމާންކަން ގާއިމްކުރުން، ނުވަތަ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ބުރޫއެރިޔަ ނުދިނުން.
- ހުށަހެޅިފައިވާ މައްސަލައެއްގައި ކުޑަކުދީންގެ މަސްލަހަތު ހިމާޔަތްކުރުން، ނުވަތަމީހަކުކުރި ކުށެއްގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތެއްގެ މަސްލަހަތު ރައްކާތެރިކުރުން.
- އާންމުކޮށް ހުޅުވައިލައިގެން ށަރީއަތް ހިންގައިފިނަމަ، އަދުލު އިންސާފު ގާއިމްކުރުމަށް އެޅިދާނެ ހުރަހަކުން މިންޖުވުން.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކުން ކުރެ ސަބަބަކަށްޓަކައި އެހެންގޮތަކަށް ކޯޓުން ކަނޑައަޅައިފައި ނުވާނަމަ، ކޯޓުތަކުން ނެރޭ ހުރިހައި އަމުރުތަކާއި ހުކުމްތައް އިއްވާންވާނީ އާންމުކޮށް ހުޅުވައިލެވިފައިވާ މަޖިލީހެއްގައެވެ. އަދި ހުޅުވައިލެވިގެން ބޭއްވޭ ށަރީއަތުގެ މަޖިލިސްތަކުން ނެރޭ ކޯޓުގެ އަމުރުތަކާއި ކުރާ ހުކުމްތައް ބޭނުންވާ ފަރާތްތަކަށް ފެންނާން ހުންނާން ވާނެއެވެ.
43 ވަނަ މާއްދާ – އަދުލުވެރިކަމާއެކު އިދާރީ ފިޔަވަޅުތައްއެޅުން
(ހ) އިދާރީ ހިންގުމުގެ ދާއިރާއިން ކޮންމެ މީހަކާމެދުވެސް ގާނޫނާ އެއްގޮތްވާ ގޮތުގެމަތީން، އަދުލު އިންސާފުގެ ހަމަތަކާ އެއްގޮތަށް އެކަށީގެންވާ އަވަސް މިނެއްގައި ކަންކުރެވުމަކީ އެމީހަކަށް ލިބިގެންވާ ހައްގެކެވެ.
(ށ) އިދާރީ ގޮތުން އަޅާ ފިޔަވަޅެއްގެ ސަބަބުން އެއްވެސް މީހެއްގެ ހައްގަކަށް އުނިކަމެއް ލިބިއްޖެ ކަމަށް ފެނިއްޖެނަމަ، އެ ފިޔަވަޅެއް އެޅި ސަބަބު ލިޔުމުން ލިބުމުގެ ހައްގު އެ މީހަކަށް ލިބިގެންވެއެވެ.
(ނ) އިދާރީ ގޮތުން އަޅާ ފިޔަވަޅެއްގެ ސަބަބުން އެއްވެސް މީހެއްގެ ހައްގަކަށް ނުވަތަ އެއްވެސް ބައެއްގެ ހައްގަކަށް، ނުވަތަ މުޖްތަމައުގެ ހައްގަކަށް އުނިކަމެއް ލިބިއްޖެކަމަށް ފެނިއްޖެނަމަ، އެ ކަމެއް ކޯޓަށް ހުށަހެޅުމުގެ ހައްގު އެ މީހަކަށް ނުވަތަ އެ ބަޔަކަށް ނުވަތަ އެ ކަމުން ސީދާގޮތެއްގައި އަސަރު ފޯރައިފާނޭ ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.
44 ވަނަ މާއްދާ – ށަހްސީ ޒިންމާ
ކުށްކުށުގައި ތުހުމަތުކުރެވޭ މީހުންގެމައްޗަށް ގާނޫނުގައިވާ ގޮތުގެމަތީން ތަހުގީގު ހިންގުމުގައްޔާއި، ށަރީއަތް ކުރުމުގައްޔާއި، ކުށް ސާބިތުވެގެން ހުކުމް ތަންފީޒުކުރުމުގައި އެނޫން މީހެއްގެ ގާނޫނީ ހައްގަކަށް ނުވަތަ ގާނޫނީ ވާޖިބަކަށް ހުރަސް އަޅައިގެނެއް ނުވާނެއެވެ.
45 ވަނަ މާއްދާ – ގާނޫނާ ހިލާފަށް ހައްޔަރުނުކުރުމާއި ބަންދުނުކުރުން
މި ގާނޫނުއަސާސީ ގެ 16 ވަނަ މާއްދާގައި ކަނޑައެޅިފައިވާ ގޮތުގެމަތީން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނަކާ އެއްގޮތްވާ ގޮތުގެމަތީން މެނުވީ، އެއްވެސް މީހެއްގެ ގަޔަށް އަތްލައި، ހިފައި، ހައްޔަރުކޮށް، އަދި ބަންދުކޮށްގެނެއް ނުވާނެއެވެ.
46 ވަނަ މާއްދާ – ހައްޔަރުކުރުމާއި، ބަންދުކުރުމުގެ ބާރު
ހައްޔަރު ކުރާ މީހާއަށް މީހަކު ކުށެއް ކުރަނިކޮށް ފެންނަ ހިނދެއްގައި، ނުވަތަ މީހަކު ކުށެއް ކޮށްފިކަމަށް، ނުވަތަ އެވަގުތަކު އެއުޅެނީ ކުށެއް ކުރާން ކަމަށް ބުއްދިއަށް ގަބޫލުކުރެވޭފަދަ އެކަށީގެންވާ ސަބަބުތަކެއް ނުވަތަ ހެކިތަކެއް ހުރެގެން، ނުވަތަ ކޯޓުގެ އަމުރަކުން ހުއްދަލިބިގެން މެނުވީ، އެއްވެސް މީހަކު ހިފައި ހައްޔަރުކޮށް، ނުވަތަ ބަންދުކޮށްގެނެއް ނުވާނެއެވެ.
47 ވަނަ މާއްދާ – ހިފެހެއްޓުމާއި ފާސްކުރުމާއި މުދާ އަތުލުން
(ހ) އެކަށީގެންވާ ސަބަބެއްނެތި އެއްވެސް މީހެއްގެ ގަޔަށް އަތްލައި، ފާސްކޮށް، މީހެއްގެ އެއްޗެއް ގަދަކަމުން އަތުލައިގެނެއް ނުވާނެއެވެ.
(ށ) ގޮވަތި ގެދޮރާއި މީހުން ދިރިއުޅޭ ތަންތަނަކީ ހުރުމަތްތެރިވެގެންވާ ތަންތަނެވެ. ވަގުތުން ފިޔަވަޅެއް ނާޅައިފިނަމަ މީހެއްގެ މުދަލަކަށް ނުވަތަ މީހަކަށް ލިބިދާނެ ނުރައްކާތެރި ގެއްލުމަކުން އެ މުދަލެއް ނުވަތަ އެ މީހަކު ސަލާމަތްކުރުމަށްޓަކައި، ނުވަތަ ކޯޓުގެ އަމުރަކުން ހުއްދަ ލިބިގެން މެނުވީ އެއްވެސް މީހަކު ދިރިއުޅޭ ތަނަކަށް އެ މީހެއްގެ ނުރުހުމުގައި ވަދެގެނެއް ނުވާނެއެވެ.
48 ވަނަ މާއްދާ – ހައްޔަރުކުރެވޭ މީހުންނާއި ބަންދުކުރެވޭ މީހުންގެ ހައްގުތައް
ހައްޔަރުކުރެވޭ ހިނދު ނުވަތަ ބަންދުކުރެވޭ ހިނދު، ތިރީގައި ބަޔާންވެގެންވާ ގޮތުގެމަތީން އެ މީހަކާމެދު އަމަލުކުރެވުމުގެ ހައްގު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.
(ހ) އެ މީހަކު ހައްޔަރުކުރެވުނު ސަބަބު ވަގުތުން އެ މީހަކަށް އަންގާންވާނެއެވެ. އަދި ގިނަވެގެން ސައުވީސް ގަޑިއިރުގެތެރޭގައި ހައްޔަރުކުރެވުނު ސަބަބު ލިޔުމުން އެ މީހަކަށް ދޭންވާނެއެވެ.
(ށ) ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގު ލިބިގެންވާކަން އެ މީހަކަށް އަންގާންވާނެއެވެ. އަދި ލަސްކުރުމެއް ނެތި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި، އެ މީހަކު އެ ހައްޔަރު ކުރެވުނު ނުވަތަ ބަންދުކުރެވުނު މައްސަލައެއް ނިމޭންދެން ގާނޫނީ ވަކީލުގެ އެހީތެރިކަން ދެމެހެއްޓުމުގެ ފުރުސަތު އެ މީހަކަށް ފަހިކޮށްދޭން ވާނެއެވެ.
(ނ) ތިމާއަކީ ކާކުކަން އަންގައިދިނުން ފިޔަވައި އިތުރު އެހެން އެއްވެސް މައުލޫމާތެއް ނުދީ ހަނުހުރުމަކީ އެ މީހަކަށް ލިބިގެންވާ ހައްގެއްކަން އެ މީހަކަށް އަންގައި، އެ ހައްގު ލިބިގަތުމުގެ ފުރުސަތު އެ މީހަކަށް ދޭންވާނެއެވެ.
(ރ) ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައި ވަނީ ގާނޫނީ ހަމަތަކުގެ މަތީންތޯ ކަނޑައެޅުމަށް، އެ މީހަކު ހައްޔަރުކުރެވުނުތާ ގިނަވެގެން ސައުވީސް ގަޑިއިރުގެ ތެރޭގައި، ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރާން ވާނެއެވެ. އަދި ށަރުތަކާއެކު ނުވަތަ ށަރުތަކާ ނުލައި އެ މީހަކު ދޫކޮށްލުމަށް، ނުވަތަ ބަންދުގައި ބެހެއްޓުމަށް އަމުރެއް ނެރުމުގެ ބާރު އެ ފަނޑިޔާރަކަށް ލިބިގެންވެއެވެ.
49 ވަނަ މާއްދާ – ކުށްކުށަށް ތުހުމަތުކުރެވޭ މީހުން މިނިވަންކުރުން
އެ މީހަކާ މެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރިމީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެ ކަމަށްޓަކައި، ނުވަތަ ކޯޓަށްހާޒިރުނުވެދާނެ ކަމަށްޓަކައި، ނުވަތަ ފިލައިފާނެ ކަމަށްޓަކައި، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި މެނުވީ، އެއްވެސް މީހަކާ މެދު ށަރީއަތުން ހުކުމްކުރުމުގެ ކުރީން އެ މީހަކު ބަންދުގައި ބަހައްޓައިގެނެއް ނުވާނެއެވެ. އަދި ބަންދުން ދޫކޮށްލާ ހިނދު ކަފާލާތުގެ އުސޫލުން ނުވަތަ ކޯޓުން ބޭނުންވާ ގޮތެއްގެ މަތީން ކޯޓަށް ހާޒިރުވާނޭކަން ކަށަވަރުކުރުމަށް ކަނޑައަޅާ އެހެން ށަރުތުތަކެއް ކަނޑައެޅިދާނެއެވެ.
50 ވަނަ މާއްދާ – އަވަހަށް މައްސަލަތައް ތަހުގީގުކޮށް ދައުވާ ކުރުން
ކުށެއްކޮށްފިކަމަށް ތުހުމަތުކޮށް ތަހުގީގުކުރާ ފަރާތަކަށް މައްސަލައެއް ހުށަހެޅުމުން ލަސްނުކޮށް އެ މައްސަލަ ތަހުގީގުކޮށް ނިންމާންވާނެއެވެ. އަދި އެ ކުށެއް ކުރިކަމަށް ތުހުމަތުކުރެވޭ މީހާއާ މެދު ދައުވާކުރާންޖެހޭކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިއްޖެނަމަ، ވީ އެންމެ އަވަހަކަށް ދައުވާ އުފުލާންވާނެއެވެ.
51 ވަނަ މާއްދާ – ކުށެއްކުރިކަމުގެ ދައުވާ އުފުލިފައިވާ މީހުންގެ ހައްގުތައް
ކުށެއް ކުރިކަމުގެ ދައުވާ އުފުލިފައިވާ ކޮންމެ މީހަކަށްމެ:
(ހ) އެ މީހެއްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށަކީ ކޮބައިކަން، އެ މީހަކަށް ރަނގަޅަށް ދޭހަވާނޭ ބަހަކުން، ލަސްނުކޮށް އަންގާންވާނެއެވެ.
(ށ) އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެ މީހަކާމެދު ށަރީއަތްކޮށް ނިންމުމުގެ ހައްގުލިބިގެންވެއެވެ.
(ނ) ތިމާއާ ދެކޮޅަށް ށަރީއަތުގައި ބަޔާނެއް ނުދިނުމުގެ ހައްގު ލިބިގެންވެއެވެ.
(ރ) އެ މީހަކީ ށަރީއަތްކުރެވޭ ބަސް ނޭނގޭ މީހަކު ނަމަ، ނުވަތަ ބީރު މީހަކު ނަމަ، ނުވަތަ މަންމަނު މީހަކު ނަމަ، އެ މީހަކަށް ދައުލަތުގެ ފަރާތުން ތަރުޖަމާނަކު ހޯދުމުގެ ހައްގު ލިބިގެންވެއެވެ.
(ބ) ކުށުން ބަރީއަވުމަށް މަސައްކަތްކުރުމަށްޓަކައި އެކަށީގެންވާ ވަގުތާއި،އެކަށީގެންވާ ވަސީލަތްތައް ލިބޭންވާނެއެވެ. އަދި އެ މީހަކު އިހްތިޔާރުކުރާ ގާނޫނީ ވަކީލަކާ މަށްވަރާކުރުމަށް ފުރުސަތު ދޭންވާނެއެވެ.
(ޅ) އެ މީހެއްގެ ހާޒިރުގައި ށަރީއަތް ކުރެވުމާއި، އެ މީހަކު އިހްތިޔާރުކުރާ ގާނޫނީ ވަކީލެއްގެ އެހީގައި ކުށުން ބަރީއަވުމަށް މަސައްކަތްކުރުމުގެ ހައްގު ލިބިގެންވެއެވެ.
(ކ) ދައުވާ ހުށަހަޅާ ފަރާތުން ށަރީއަތަށް ހާޒިރުކުރާ ހެކީންނާ ސުވާލުކުރުމާއި، އެ މީހަކު ބޭނުން ހެކީން ށަރީއަތަށް ހާޒިރުކޮށްދިނުމަށް ކޯޓުގައި އެދުމާއި، އެ ހެކީންނާ ށަރީއަތުގެ މަޖިލީހުގައި ސުވާލު ކުރުމުގެ ހައްގު ލިބިގެންވެއެވެ.
(އ) އެ މީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ށައްކެއްނެތި، ށަރީއަތުގައި ސާބިތުނުކުރެވޭ ނަމަ އެ މީހަކީ ކުށެއްނެތް މީހަކުކަމުގައި ބެލުމުގެ ހައްގު ލިބިގެންވެއެވެ.
52 ވަނަ މާއްދާ – އިއުތިރާފާއި، ގާނޫނާ ހިލާފަށް ހޯދާ ހެކި
ތުހުމަތުކުރެވޭ މީހާ ބުއްދި ސަލާމަތުން ހުރެ ށަރީއަތުގެ މަޖިލީހުގައި ވާ އިއުތިރާފު ފިޔަވައި، އެހެން އިއުތިރާފުތަކަކީ ހެއްކެއްކަމުގައެއް ނުބެލެވޭނެއެވެ. މީހަކަށް މަޖުބޫރުކޮށްގެން ބަޔާން ހޯދުމާއި، ގާނޫނާ ހިލާފަށް ހެކި ހޯދުމަކީ އެއްވެސް ފަރާތަކުން ކޮށްގެން ވާނޭ ކަންކަމެއްނޫނެވެ. އެގޮތަށް ހޯދާ ބަޔާންތަކާއި ހެކިތައް ށަރީއަތަށް ގަބޫލުކޮށްގެނެއްނުވާނެއެވެ.
53 ވަނަ މާއްދާ - ގާނޫނީ ވަކީލެއްގެ އެހީތެރިކަން
(ހ) ގާނޫނީ ވަކީލެއްގެ އެހީއަކަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެފަދަ އެހީ ހޯދައި ލިބިގަތުމުގެ ހައްގު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.
(ށ) ޖިނާއީ ބޮޑެތި މައްސަލަތަކުގައި، ތުހުމަތުކުރެވޭ މީހާއަކީ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭ ފަދަ މާލީ ތަނަވަސްކަމެއް ނެތް މީހަކު ނަމަ، އޭނާއަށް ދައުލަތުން ގާނޫނީ ވަކީލަކު އައްޔަން ކޮށްދޭން ވާނެއެވެ.
54 ވަނަ މާއްދާ - ލާއިންސާނީ އަދަބު ނުދިނުން
އެއްވެސް މީހަކަށް، ރަހުމުކުޑަ، ލާއިންސާނީ، އިހާނެތިކަމެއް ކޮށްގެނެއް ނުވާނެއެވެ. އަދި އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބެއް އެއްވެސްމީހަކަށް ދީގެނެއް ނުވާނެއެވެ. އަދި އެއްވެސް މީހަކަށް އަނިޔާކޮށްގެނެއް ނުވާނެއެވެ.
55 ވަނަ މާއްދާ – މަދަނީ މައްސަލަތަކުގައި ބަންދު ނުކުރުން
މަދަނީ އެއްބަސްވުމެއްގެ ދަށުން އަދާކުރާންޖެހޭ ޒިންމާއެއް އަދާނުކުރުމުގެ ސަބަބުން އެއްވެސް މީހަކު ހައްޔަރުކޮށް ނުވަތަ ބަންދުކޮށްގެނެއް ނުވާނެއެވެ.
56 ވަނަ މާއްދާ - އިސްތިއުނާފުކުރުމުގެ ހައްގު
ޖިނާއީ މައްސަލަތަކުގައްޔާއި މަދަނީ މައްސަލަތަކުގައި އިއްވާ ހުކުމްތަކާއި ނެރޭ ކޯޓުގެ އަމުރުތައް އިސްތިއުނާފަށް ހުށަހެޅުމުގެ ހައްގު، މައްސަލައާ ގުޅުންހުރި ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.
57 ވަނަ މާއްދާ – ބަންދުކުރެވިފައިވާ މީހުންނާ އިހްތިރާމާއެކު މުއާމަލާތުކުރުން
ކޯޓެއްގެ ހުކުމަކާ ގުޅިގެން، ނުވަތަ ގާނޫނުގައިވާ ގޮތުގެމަތީން ހައްޔަރުކުރެވިފައިވާ ނުވަތަ ބަންދުކުރެވިފައިވާ މީހުންނާއި އިޖްތިމާއީ އެކިއެކި ސަބަބުތަކަށްޓަކައި ދައުލަތުން ބަލަހައްޓަމުން ގެންދާ މީހުންނާމެދު އަމަލުކުރާންވާނީ އިހްތިރާމާއެކު އިންސާނުންނާ މުއާމަލާތުކުރުމަށް އެކަށީގެންވާ ގޮތަކަށެވެ. ފަހެ، ކޯޓެއްގެ ހުކުމަކާ ގުޅިގެން، ނުވަތަ ގާނޫނުގައިވާ ގޮތުގެމަތީން ހައްޔަރުކުރެވިފައިވާ ނުވަތަ ބަންދުކުރެވިފައިވާ މީހުންނާއި، އިޖްތިމާއީ އެކިއެކި ސަބަބުތަކަށްޓަކައި ދައުލަތުން ބަލަހައްޓަމުން ގެންދާ މީހުން، މި ބާބުގައި ބަޔާންވެގެންވާ އެއްވެސް ހައްގަކުން ނުވަތަ މިނިވަންކަމަކުން މަހްރޫމްކުރެވޭނީ، އެ ކަމަކަށް ކޮންމެހެން ބޭނުންވާ މިންވަރަށެވެ.
58 ވަނަ މާއްދާ – ބަދަލު ލިބިދިނުން
ގާނޫނީ ބާރެއް ނެތި ނުވަތަ ގާނޫނާ ހިލާފަށް މީހަކު ހައްޔަރުކޮށްފިނަމަ ނުވަތަ ބަންދުކޮށްފިނަމަ އެކަމުގެ ބަދަލު އެ މީހަކަށް ލިބިދޭންވާނެއެވެ.
59 ވަނަ މާއްދާ – ގާނޫނުގައި ކުށެއް ކަމަށް ކަނޑާއެޅިފައި ނުވާ ކަމަކަށް ފަހުން ހަދާ ގާނޫނަކުން އަދަބުނުދިނުން
(ހ) ވަކި ކަމެއް ކުރުން، ނުވަތަ ވަކި ކަމެއް ނުކޮށް ދޫކޮށްލުން އެއީ ކުށެއް ކަމުގައި އިސްލާމީ ށަރީއަތުގައި ނުވަތަ ގާނޫނުގައި ބަޔާންކޮށްފައި ނެތީސް އެ ކަމެއް ކުރި މީހަކަށް ނުވަތަ އެ ކަމެއް ނުކޮށް ދޫކޮށްލި މީހަކަށް، އެ ކުރި ކަމަކާ ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާ ގުޅުވައިގެން އަދަބު ދީގެނެއް ނުވާނެއެވެ. އަދި ކުށެއް ކުރިއިރު އެ ކުށަށް ކަނޑައެޅިފައިވާ އަދަބަށް ވުރެ ބޮޑު އަދަބެއް އެ ކުށް ކުރި މީހަކަށް ދީގެނެއް ނުވާނެއެވެ. ކުށެއްކުރުމާ، އެ ކުށެއް ކުރި މީހާއަށް ހުކުމްކުރުމާ ދެމެދު، އެ ކުރި ކުށެއްގެ އަދަބަށް ގާނޫނަށް ގެންނަ ބަދަލަކުން ލުޔެއް ދީފައިވާނަމަ، އެ މީހަކަށް ދޭންވާނީ ފަހުން ހެދުނު ގާނޫނުގައިވާ އަދަބެވެ.
(ށ) ބައިނަލްއަގްވާމީ ގާނޫނުގައި ޖިނާއީ ކުށެއްކަމަށް ކަނޑައަޅައިފައިވާކަމެއް ކުރާ މީހަކާމެދު ށަރީއަތްކުރުމާއި އަދަބުދިނުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
60 ވަނަ މާއްދާ – އެއްކުށަކަށް ދެފަހަރު އަދަބު ނުދިނުން
(ހ) ޖިނާއީ ކުށެއްގެ ދައުވާ މީހެއްގެ މައްޗަށް ސާބިތުނުވާކަމަށް ކޯޓަކުން ހުކުމްކޮށްފިނަމަ، ދެވަނަ ފަހަރަށް ހަމަ އެ ކުށުގެ ނުވަތަ އެ ކުށުގެ އަމަލުން ފުރިހަމަވާ އެހެން ކުށެއްގެ ދައުވާ އެ މީހެއްގެ މައްޗަކަށް ނުއުފުލޭނެއެވެ. އަދި ޖިނާއީ ކުށެއްގެ ދައުވާ މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ، ދެވަނަ ފަހަރަށް ހަމަ އެ ކުށުގެ ނުވަތަ އެ ކުށުގެ އަމަލުން ފުރިހަމަވާ އެހެން ކުށެއްގެ ދައުވާ އެ މީހެއްގެ މައްޗަކަށް ނުއުފުލޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލުގެ ތެރޭގައި މައްސަލަ އިސްތިއުނާފުކުރުމެއް ނުހިމެނެއެވެ.
61 ވަނަ މާއްދާ – ގާނޫނުތަކާއި ގަވާއިދުތައް އާންމުކޮށް ށާއިއުކުރުން
(ހ) ގާނޫނުތަކާއި، ގަވާއިދުތަކާއި، ރައްޔިތުން އެމައްޗަށް އަމަލުކުރުމަށް ސަރުކާރުން އަންގާ އެންގުންތަކާއި، ސަރުކާރުގެ ސިޔާސަތުތައް އާންމުންނަށް ލިބޭންހުންނާނޭ ގޮތަކަށް އިންތިޒާމުކޮށް، އާންމުކޮށް ށާއިއުކުރާންވާނެއެވެ.
(ށ) ގާނޫނެއްނުވަތަ ގާނޫނަކުން ބާރު ލިބިގެން ހަދާ ގަވާއިދެއްގެ ދަށުން ވިޔަސް އެއްވެސް މީހަކަށް އަދަބެއް ދޭންވާނީ، އެ ގާނޫނެއް ނުވަތަ އެގަވާއިދަކީ އާންމުކޮށް ށާއިއުކޮށްފައިވާ އެއްޗަކަށް ވާނަމައެވެ. އަދި މަނާ ކުރެވޭ ކަންތަކާއި، އެއިން ކަމެއް ކޮށްފި މީހަކަށް ދެވޭނޭ އަދަބު ސާފުކޮށް ބަޔާން ކޮށްފައި އޮވެގެންނެވެ.
(ނ) ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއްގައި ދައުލަތުގެ ސިއްރުކަމުގައި ބަޔާންކޮށްފައިވާ މައުލޫމާތު ފިޔަވައި ސަރުކާރުން ނިންމާ ނިންމުން ތަކާއި ކުރާ ކަންތައްތަކާ ބެހޭ އެންމެހައި މައުލޫމާތު އާންމުކޮށް ލިބޭން ހުންނާންވާނެއެވެ.
(ރ) ކޮންމެ ރައްޔިތަކަށްމެ އެ މީހަކާ ބެހޭގޮތުން ސަރުކާރުގެ އިދާރާތަކުގައި ރައްކާކުރެވިފައިވާ އެންމެހައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ލިބިގެންވެއެވެ.
62 ވަނަ މާއްދާ - އެހެނިހެން ހައްގުތައް ލިބިދިނުން
(ހ) މި ބާބުގައި ބަޔާންކުރެވިފައިވާ އެންމެހައި ހައްގުތަކާއި މިނިވަންކަން އަންހެނުންނަށާއި ފިރިހެނުންނަށް ހަމަހަމަކަމާއެކު ލިބިގެންވެއެވެ.
(ށ) މި ބާބުގައި ވަކިވަކީން ހައްގުތަކާއި މިނިވަންކަން ކަނޑައެޅި، ބަޔާންކުރެވިފައިވުމަކީ މި ބާބުގައި ނުހިމެނޭ އެހެނިހެން ހައްގުތަކާއި މިނިވަންކަން ހޯދުމަށް ނުވަތަ ލިބިގަތުމަށް ހުރަސްއަޅާ ކަމެއް ނޫނެވެ.
63 ވަނަ މާއްދާ – އަސާސީ ހާއްގުތަކާ ތައާރުސްވާ ގާނޫނުތައް ބާތިލްވުން
އެއްވެސް ގާނޫނެއް ނުވަތަ ގާނޫނަކުން ބައެއް ވިޔަސް މި ބާބުގައި ބަޔާންވެގެންވާ އަސާސީ ހައްގަކާ ނުވަތަ މިނިވަންކަމަކާ ތައާރުޒްވާނަމަ، އެ ގާނޫނެއް ނުވަތަ އެ ގާނޫނަކުން އެ ހައްގަކާ ނުވަތަ އެ މިނިވަންކަމަކާ ތައާރުޒްވާ މިންވަރެއް ވާނީ ބާތިލް އެއްޗަކަށެވެ.
64 ވަނަ މާއްދާ – ގައިރު ގާނޫނީ އަމުރުތަކަށް ތަބާނުވުމުގެ ހައްގު
ގާނޫނަކުން ބާރުލިބިގެން މެނުވީ ދައުލަތުގެއެއްވެސް މުވައްޒަފަކު، އެއްވެސް މީހަކަށް އަމުރެއް ކޮށްގެނެއް ނުވާނެއެވެ. އަދި ގައިރު ގާނޫނީ އެއްވެސް އަމުރަކަށް ތަބާނުވުމުގެ ހައްގު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.
65 ވަނަ މާއްދާ – ހައްލުހޯދުމަށްޓަކައި ދައުވާކުރުމުގެ ހައްގު
މި ބާބުގައި ބަޔާންކޮށްފައިވާ އެއްވެސް ހައްގެއް ނުވަތަ މިނިވަންކަމެއް އެއްވެސް މީހެއްގެ ކިބައިން ނިގުޅައިގެންފިނަމަ، ނުވަތަ ހިފަހައްޓައިފިނަމަ، އިންސާފުވެރި ހައްލެއް ހޯދުމަށްޓަކައި އެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ހައްގު އެ މީހަކަށް ލިބިގެންވެއެވެ.
66 ވަނަ މާއްދާ – ހައްގުތަކާއި މިނިވަންކަމާ ތައާރުޒްވާ ގާނޫނުތައް ބާތިލްވުން
މި ގާނޫނުއަސާސީ އަށް އަމަލުކުރާން ފަށާއިރު ދިވެހިރާއްޖޭގައި ހިނގަމުން އަންނަ އެންމެހައި ގާނޫނުތަކާއި ގަވާއިދުތަކާއި ގަރާރުތަކާއި އިއުލާންތަކުގައި ބަޔާންވެފައިވާ ކަންތައްތަކުގެ ތެރެއިން، މި ބާބުގައި ބަޔާންކޮށްފައިވާ ހައްގުތަކާއި މިނިވަންކަމާ ތައާރުޒްވާ އެންމެހައި ކަންތައްތައް، މި ގާނޫނުއަސާސީ އަށް އަމަލުކުރާން ފެށުމާއެކު ބާތިލްވީއެވެ.
67 ވަނަ މާއްދާ - މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
ކޮންމެ މީހަކަށްމެ ލިބޭ ހައްގުތަކާއި މިނިވަންކަމާއި، އެ މީހަކު އަދާކުރާންޖެހޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކަކީ ވަކިނުކުރެވޭނޭ ދެ އަސާސްކަމުގައިވީ ހިނދު، އަންނަނިވި ކަންތައްތައް ކުރުމަކީ ކޮންމެ ރައްޔިތެއްގެ މަސްއޫލިއްޔަތެކެވެ. އަދި އެ ވަގުތަކު ދިވެހިރާއްޖޭގައި އުޅޭ ކޮންމެ މީހަކުމެ އެ ކަންތައްތަކަށް އިހްތިރާމްކުރާންވާނެއެވެ.
(ހ) އަނެކުންގެހައްގުތަކާއި މިނިވަންކަމަށް ރައްކާތެރިވެ އެހައްގުތަކަށާއި މިނިވަންކަމަށް އިހްތިރާމްކުރުން.
(ށ) އެންމެހައި މީސްތަކުންގެ މެދުގައްޔާއި ޖަމާއަތްތަކުގެ މެދުގައި އެކުވެރިކަމާއި، އެއްބަޔަކު އަނެއްބަޔަކަށް އިހްތިރާމްކުރުމުގެ ރޫހު އާލާކުރުމާއި، އަނެކުންނާ ތިމާއާދެމެދު ހުންނަ ތަފާތުތައް ބަލައިގަތުމުގެ އުސޫލު ދެމެހެއްޓުމަށް މަސައްކަތްކުރުން.
(ނ) މުޖްތަމައުގެ ދުޅަހެޔޮކަމަށާއި ތަރައްގީއަށްޓަކައި މަސައްކަތްކުރުން.
(ރ) ދިވެހިރާއްޖޭގެ ސިޔާދަތާއި، ރައްޔިތުންގެ އެއްބައިވަންތަކަމާއި، އަމަންއަމާންކަމާއި، ރައްކާތެރިކަމާއި ގައުމުގެ ށަރަފް ހިފެހެއްޓުމަށްޓަކައި މަސައްކަތްކުރުން.
(ބ) ގާނޫނުއަސާސީ އަށް ހުރުމަތްތެރިކޮށް ހިތުމާއި، ގާނޫނުގެ ވެރިކަން ހިންގުމުގެ އުސޫލަށް ހުރުމަތްތެރިކޮށް ހިތުން.
(ޅ) އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތުގެމަތީން، ދީމިގްރާތީ އުސޫލުތަކާއި ގޮތްތައް ކުރިއެރުވުން.
(ކ) ދިވެހިދައުލަތުގެ ދީން ކަމުގައިވާ އިސްލާމްދީނާއި، ރާއްޖޭގެ ސަގާފަތާއި، މާދަރީ ބަހާއި، ގައުމީ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުން.
(އ) ދިވެހިރާއްޖޭގެ ތިމާވެށްޓާއި ދިރޭތަކެތީގެ ނަސްލުތަކާއި، ގުދްރަތީ ރީތިކަމާއި، ވަސީލަތްތައް ރައްކާތެރިކޮށް ދެމެހެއްޓުމާއެކު، ތިމާވެށި ނުސާފުވާފަދަ އަމަލުތަކާއި ގުދްރަތީ ވެށި ހަލާކުވެގެންދާ ފަދަ އަމަލުތަކުން ދުރުހެލިވުން.
(ވ) ގައުމީ ދިދަ އަށާއި، ދައުލަތުގެ ނިށާނަށާއި، ގައުމީސަލާމަށް ހުރުމަތްތެރިކޮށް ހިތުން.
68 ވަނަ މާއްދާ – މާނަކުރުން
ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން މި ބާބުގައި ބަޔާންކޮށްފައިވާ ހައްގުތަކާއި މިނިވަންކަން މާނަކުރުމުގައްޔާއި ލިބިދިނުމުގައި، އިންސާނީ ށަރަފާއި ހަމަހަމަކަމާއި މިނިވަންކަމަށް ބިނާކޮށްއުފެދިފައިވާ، ހުޅުވިގެންވާ ދީމިގްރާތީ މުޖްތަމައުތަކުން ގަބޫލުކުރާ އުސޫލުތަކަށް ރިއާޔަތްކޮށް އެ އުސޫލުތައް ނަގަހައްޓާންވާނެއެވެ. އަދި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކަށް ރިއާޔަތްކުރާންވާނެއެވެ.
69 ވަނަ މާއްދާ – ހައްގެއް ނުވަތަ މިނިވަންކަމެއް ނިގުޅައިގަނެވޭފަދަ ގޮތަކަށް ގާނޫނުއަސާސީ މާނަކުރުން
މި ގާނޫނުއަސާސީ ގައި ބަޔާންކޮށްފައިވާ އެއްވެސް ހައްގަކަށް ނުވަތަ މިނިވަންކަމަކަށް އުނިކަމެއް ލިބޭނޭފަދަ އަމަލެއް ކުރުމުގެ، ނުވަތަ އެފަދަ އަމަލެއްގައި ބައިވެރިވުމުގެ ހައްގު އެއްވެސް މީހަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ ދައުލަތަށް ލިބޭނޭފަދަ ގޮތަކަށް މި ގާނޫނުއަސާސީ ގައި ހިމެނޭ އެއްވެސް މާއްދާއެއް މާނަކޮށް ނުވަތަ ތަރުޖަމާކޮށްގެނެއް ނުވާނެއެވެ.
ތިން ވަނަ ބާބު
ރައްޔިތުންގެ މަޖިލިސް
70 ވަނަ މާއްދާ - ގާނޫނުހެދުމުގެ ބާރު
(ހ) ދިވެހިރާއްޖޭގައި ގާނޫނުހެދުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން، ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ގާނޫނު ހެދުމުގެ އާންމު ބާރުތަކުގެ ތެރޭގައި އަންނަނިވި ވާޖިބުތައް އަދާކުރުމާއި ކަންތައްތައް ކުރުމުގެ ބާރުވެސް އެ މަޖިލީހަށް ލިބިގެންވެއެވެ.
- މި ގާނޫނުއަސާސީ ގައި ބަޔާންކުރާ ގޮތުގެމަތީން ގާނޫނުއަސާސީ އަށް އިސްލާހުގެނައުން.
- ބޭނުންވެއްޖެ ކޮންމެ ކަމަކާ ބެހޭގޮތުން، އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތުގެމަތީން ގާނޫނު ހެދުމާއި، ގާނޫނަށް ބަދަލުގެނައުމާއި، ގާނޫނު ބާތިލްކުރުން.
- ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމާއި ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީކުރުވުން. އަދި މިކަންކަން ކުރުމަށްޓަކައި ގާނޫނުއަސާސީ އާއި ގާނޫނުގައިވާ ގޮތުގެމަތީން ފިޔަވަޅުތައް އެޅުން.
- ދައުލަތުގެ އަހަރީ ބަޖެޓާއި ސަޕްލިމެންޓަރީ ބަޖެޓް ފާސްކުރުން.
- މުސްތަގިއްލު ކޮމިށަންތަކާއި މުސްތަގިއްލު މަގާމުތަކާ ބެހޭގޮތުން ނިންމާންޖެހޭ ކަންތައްތައް ގާނޫނުގައިވާ ގޮތުގެމަތީން ނިންމުން.
- ރައްޔިތުންނާ ގުޅޭ މުހިންމު ކަންތައްތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުން.
- ރައްޔިތުންގެ މަޖިލީހުން އަދާކުރާން ޖެހޭނެކަމަށް މި ގާނޫނުއަސާސީ ގައި ނުވަތަ ގާނޫނުގައި ބަޔާންކޮށްފައިވާ މިނޫން ވެސް ވާޖިބުތައް އަދާކުރުން.
(ނ) އިސްލާމްދީނުގެ އަސްލަކާ ހިލާފުވާ އެއްވެސް ގާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެނެއް ނުވާނެއެވެ.
(ރ) ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ހުށަހަޅާ ކޮންމެ ހުށަހެޅުމެއް ގަބޫލުކުރުމާއި، ފާސްނުކޮށް އަނބުރާ ފޮނުވައިލުމާއި، ބާތިލްކުރުމާއި، އަދި މިފަދަ ކޮންމެ ހުށަހެޅުމަކަށް ބަދަލު ގެނައުމުގެ ބާރު އެ މަޖިލީހަށް ލިބިގެންވެއެވެ.
(ބ) މީހަކު މަގާމަކަށް އިސްކުރުމަށްޓަކައި ނުވަތަ މަގާމަކުން ވަކިކުރުމަށްޓަކައި އެކަން ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިނަމަ، އެ ހުށަހެޅުމެއް ފާސްކުރުމާއި ފާސްނުކޮށް ދޫކޮށްލުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންވެއެވެ.
71 ވަނަ މާއްދާ – ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަޑައެޅުން
(ހ) ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައަޅާނީ އަންނަނިވި އުސޫލުންނެވެ.
- ދިވެހިރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ ފުރަތަމަ ފަސްހާސް މީހަކަށް ނުވަތަ ފަސްހާސް މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެމެންބަރުން.
- ދިވެހިރާއްޖޭގެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީ ފަސްހާހަށްވުރެ އިތުރުވާނަމަ، އާބާދީގެ ފުރަތަމަ ފަސްހާސް މީހުންނަށްވުރެ އިތުރުވާ ކޮންމެ ފަސްހާސް މީހަކަށް މެންބަރެއް.
(ށ) މި މާއްދާގެ ބޭނުމަށްޓަކައި އިދާރީ ދާއިރާކަމުގައި ބުނެފައި އެވަނީ، މި ގާނޫނުއަސާސީ ތަސްދީގުކުރާއިރު، ދިވެހިރާއްޖޭގެ އަތޮޅުތަކުގެ ގޮތުގައި ބަލާ ވިހި އަތޮޅާއި މާލެއާއެކު ޖުމްލަ އެކާވީސް ދާއިރާއަށެވެ. އިދާރީ ދާއިރާތަކުގެ ތަފްސީލް މި ގާނޫނުއަސާސީ ގެ ޖަދުވަލު 2 ގައި އެވަނީއެވެ.
72 ވަނަ މާއްދާ - މެންބަރުން އިންތިހާބުކުރުން
(ހ) މި ގާނޫނުއަސާސީ ގެ 71 ވަނަ މާއްދާ ގައި ބަޔާންކޮށްފައިވާ އުސޫލާ ހިލާފުނުވާނޭހެން، ކޮންމެ އިދާރީ ދާއިރާއަކުން ވަކި
އިންތިހާބީ ދާއިރާތަކެއް ކަނޑައަޅާންވާނެއެވެ. މިއިން ކޮންމެ އިންތިހާބީ ދާއިރާއަކުން އިންތިހާބުކުރާނީ އެއް މެންބަރެވެ.
(ށ) ކޮންމެ އިންތިހާބީ ދާއިރާއެއްގައި ވާދަކުރާ މީހުންގެ ތެރެއިން އިންތިހާބުވާނީ، އެ ދާއިރާއެއްގައި ވޯޓުދޭ ރައްޔިތުންގެ ސިއްރު ވޯޓަކުން އެންމެ ގިނަ ވޯޓު ލިބޭ މީހެކެވެ.
(ނ) ކޮންމެ އިދާރީ ދާއިރާއެއްގައި ހިމެނޭ އިންތިހާބީ ދާއިރާތައް ކަނޑައަޅާނޭ ގޮތާއި، އެ އިންތިހާބީ ދާއިރާތަކުގެ ސަރަހައްދު ކަނޑައަޅާނޭ ގޮތް ގާނޫނަކުން ބަޔާންކުރާންވާނެއެވެ. އަދި އިދާރީ ދާއިރާތަކުގެ އާބާދީ އިންތިހާބީ ދާއިރާތަކަކަށް ބެހުމުގައި އެ އިދާރީ ދާއިރާއެއްގައި ހިމެނޭ އިންތިހާބީ ދާއިރާތަކުގެ އާބާދީ ވީއެންމެ ބޮޑަކަށް ހަމަހަމަކުރެވޭނޭ އުސޫލެއް އެ ގާނޫނުގައި ކަނޑައަޅާންވާނެއެވެ.
73 ވަނަ މާއްދާ - މެންބަރަކަށް ވުމުގެ ށަރުތުތައް
(ހ) ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް އިންތިހާބުކުރެވޭ މީހެއްގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.
- ދިވެހިރައްޔިތަކަށްވުން.
- ބޭރުގައުމެއްގެ ރައްޔިތަކަށް ނުވުން.
- މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާއަތުގެ މީހަކުކަމުގައިވުން.
- އުމުރުން އަށާރަ އަހަރު ފުރިފައިވުން.
- ބުއްދި ހަމައަށް ހުރި މީހަކުކަމުގައިވުން.
(ށ) ބޭރުގައުމެއްގެ ރައްޔިތަކު ދިވެހިރައްޔިތަކަށް ވެފައިވާ ނަމަ، އެ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލެވޭނީ، އެ މީހަކު ދިވެހިރައްޔިތަކަށްވީތާ ފަސް އަހަރު ފުރުމަށްފަހުއެވެ. އަދި އެ މީހަކީ ދިވެހިރާއްޖޭގައި ދިރިއުޅެމުންދާ މީހަކު ކަމުގައި ވާންވާނެއެވެ.
(ނ) އަންނަނިވި ހާލަތްތަކުންކުރެ ހާލަތެއްގައިވާ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބައިވެރިއެއް ނުވެވޭނެއެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ހޮވިފައިވާ މެންބަރަކަށް އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެ މީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެއެވެ.
- އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައިވުން.
- ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ބާރަ މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަމުގައިވުން.
- ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ތިން އަހަރު ނުވާ މީހަކު ކަމުގައިވުން.
- ފަނޑިޔާރަކު ކަމުގައިވުން.
(ރ) މި ގާނޫނުއަސާސީ ގައި ކަނޑައަޅައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެ މަގާމުގައި ހުރެ އަންނަނިވި ވަޒީފާތަކުން ކުރެ ވަޒީފާއެއް އަދާކޮށްގެނެއް ނުވާނެއެވެ.
- ވަޒީރުންގެ މަޖިލީހުގެ މެންބަރުކަން.
- ސްޓޭޓް މިނިސްޓަރުކަމާއި، ވަޒީރުންގެ ނައިބުކަމާއި، ދައުލަތުގެ އެފެންވަރުގެ އެއްވެސް ވަޒީފާއެއް.
- މުސްތަގިއްލު ކޮމިށަނެއްގެ މެންބަރުކަން ނުވަތަ މުސްތަގިއްލު މަގާމެއް.
- ސިވިލް ސަރވިސްގެ ވަޒީފާއެއް.
- ސަރުކާރުގެ ނުވަތަ ސަރުކާރު ބައިވެރިވާ، ނުވަތަ ސަރުކާރުން ހިންގާ، ކުންފުންޏެއްގެ ވަޒީފާއެއް.
- ސިފައިންގެ ވަޒީފާއެއް.
- ފުލުހުންގެ ވަޒީފާއެއް.
- ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރާންޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އެހެން ވަޒީފާއެއް.
74 ވަނަ މާއްދާ – މެންބަރުކަމާމެދު ކޯޓުގެ އިހްތިސާސް
ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުގެ ށަރުތު މީހެއްގައި ހަމަވޭތޯ ނުވަތަ މެންބަރަކު މަގާމުން ވަކިކުރާން ޖެހިއްޖެތޯ ބެލުމުގައި ނުވަތަ މެންބަރުކަމުގެ ގޮނޑިއެއް ހުސްވެއްޖެކަމާމެދު ހިލާފެއް އުފެދިއްޖެނަމަ، އެ މައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ސުޕްރީމްކޯޓުންނެވެ.
75 ވަނަ މާއްދާ – މެންބަރުންގެ މަސައްކަތުގައި ރިއާޔަތްކުރާންވީ ކަންކަން
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަމަލުކުރާންވާނީ، ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެންނެވެ. އަދި އެއްވެސް މެންބަރަކު އެ މީހެއްގެ ނުވަތަ އެ މީހަކާ ހާއްސަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަގާމުގެ ބޭނުންކޮށްގެނެއް ނުވާނެއެވެ. އަދި އެބައިމީހުން، އެބައިމީހުން އިންތިހާބުވީ ދާއިރާތައް ތަމްސީލުކުރުމުގައި، މުޅި ގައުމާއި ހުރިހައި ރައްޔިތުންގެ ލާބަޔާއި މަންފާއަށް ރިއާޔަތްކުރާންވާނެއެވެ.
76 ވަނަ މާއްދާ – މުދަލާއި ފައިސާގެ ބަޔާން ހާމަކުރުން
ކޮންމެ މެންބަރަކުމެ ކޮންމެ އަހަރަކު އެއްފަހަރު އެމީހެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތުތަކާއި، އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް ރައްޔިތުންގެ މަޖިލީހުގެއަމީންއާންމަށް ހުށަހަޅާންވާނެއެވެ. އަދި މިގޮތުން ދޭ މައުލޫމާތުގައި އެ މީހަކު އަދާކުރާ އެހެން ވަޒީފާތަކާއި އެ ވަޒީފާތަކުގެ ޒިންމާތައް ހިމަނާންވާނެއެވެ.
77 ވަނަ މާއްދާ - މެންބަރުކަމުން އިސްތިއުފާދިނުން
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، މެންބަރުކަމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، އެކަން ބަޔާންކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ސިޓީއަކުން އެކަން ހުށަހަޅައި، އެސިޓީ މަޖިލީހުގެ ރައީސަށް ލިބުމުން އެ މެންބަރަކު މެންބަރުކަމުން ވަކިވީއެވެ.
78 ވަނަ މާއްދާ – ހުސްވާ ގޮނޑިއަށް މެންބަރުން އިންތިހާބުކުރުން
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިވުމުގެ ސަބަބުން ހުސްވާ ގޮނޑިއަށް އެ ގޮނޑި ހުސްވި ތާރީހުން ފެށިގެން ފަސްދޮޅަސް ދުވަހުގެ ތެރޭގައި މެންބަރަކު އިންތިހާބު ކުރާން ވާނެއެވެ. ނަމަވެސް މެންބަރުކަމުގެ ގޮނޑި ހުސްވި ތާރީހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ކުރިއަށްއޮތް އާންމު އިންތިހާބާ ދެމެދު އޮތީ ހަމަސްދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްކަމުގައި ވާނަމަ އެ ހުސްވި ގޮނޑިއަކަށް މެންބަރަކު އިންތިހާބު ކޮށްގެނެއް ނުވާނެއެވެ.
79 ވަނަ މާއްދާ - ރައްޔިތުންގެ މަޖިލީހުގެ އުމުރު
(ހ) ރައްޔިތުންގެމަޖިލީހުގެ އުމުރަކީ، މަޖިލިސް އިންތިހާބުކުރުމަށްފަހު، ފުރަތަމަ ޖަލްސާ ކުރާ ތާރީހުން ފެށިގެން ފަސް އަހަރު ދުވަހެވެ. މި މުއްދަތު ހަމަވުމުން މަޖިލިސް އުވުނީއެވެ. އުމުރު ހަމަވެގެން މަޖިލިސް އުވުމާއެކު އަލަށް އިންތިހާބުކުރާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވާންވާނެއެވެ.
(ށ) ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވުމުގެ ތިރީސް ދުވަސް ކުރީން އަލަށް އިންތިހާބުކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުކުރުމާއި، އެކަމާ ގުޅޭގޮތުން ކުރާންޖެހޭ އެހެނިހެން ކަންތައްތައް ކޮށް ނިންމާންވާނެއެވެ.
80 ވަނަ މާއްދާ – ރައްޔިތުންގެ މަޖިލީހުގެ އުމުރުގެ މުއްދަތު އިތުރުކުރުން
ކުއްލިނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ ދަނޑިވަޅެއްގައި، އާންމު އިންތިހާބެއް ބޭއްވުމަށް ދަތިވެއްޖެނަމަ، މަޖިލީހުގެ އުމުރު އެއް އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް އިތުރުކުރުމުގެ ގަރާރެއް އެ މަޖިލީހުން ފާސްކުރެވިދާނެއެވެ. މިފަދަ ގަރާރެއް ފާސްވާނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުންނެވެ. މިގޮތަށް މަޖިލީހުގެ މުއްދަތު އިތުރުކޮށްފައިވަނިކޮށް، ކުއްލިނުރައްކަލުގެ ހާލަތު އިއުލާންކުރުމަށް ނެރުނު ގަރާރު އުވައިލުމަށްފަހު ނުވަތަ އެ ގަރާރުގެ މުއްދަތު ހަމަވުމަށްފަހު ރައްޔިތުންގެ މަޖިލިސް ފަސްދޮޅަސް ދުވަހަށްވުރެ ދިގު މުއްދަތަކަށް ކުރިއަށް ގެންގޮސްގެނެއް ނުވާނެއެވެ. އެ ފަސްދޮޅަސް ދުވަހުގެތެރޭގައި ރައްޔިތުންގެ އާ މަޖިލީހަކަށް މެންބަރުން ހޮވުމުގެ ހުރިހައި ކަމެއްކޮށް ނިންމާންވާނެއެވެ.
81 ވަނަ މާއްދާ – ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިކުރުން
ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް އިންތިހާބުވާ މީހަކު، އެ މަޖިލީހުގެ މެންބަރުކަމުގެ މަގާމް ފުރާން ފެށުމުގެ ކުރީން އުއްތަމަފަނޑިޔާރުގެ ކުރިމަތީގައި ނުވަތަ އުއްތަމަފަނޑިޔާރު ކަނޑައަޅާ އެހެން ފަނޑިޔާރެއްގެ ކުރިމަތީގައި މި ގާނޫނުއަސާސީ ގެޖަދުވަލު 1 ގައިވާ ރައްޔިތުންގެމަޖިލީހުގެ މެންބަރުންގެ ހުވައިކޮށް އެ ހުވައިގެ އިގްރާރުގައި ސޮއިކުރާންވާނެއެވެ.
82 ވަނަ މާއްދާ – ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނާއިބު ރައީސް
(ހ) އާންމު އިންތިހާބަށްފަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި އެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުގެ ރައީސަކާއި ނައިބުރައީސެއް، އެ މަޖިލީހުގެ ސިއްރު ވޯޓަކުން އިންތިހާބު ކުރާންވާނެއެވެ. މަޖިލީހުގެ ރައީސާއި ނައިބުރައީސް އިންތިހާބުކުރެވެންދެން އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ އެ ޖަލްސާއަށް ހާޒިރުވެތިބި މެންބަރުންގެތެރެއިން މަޖިލީހުގެ މެންބަރުކަމުގައި މެދުނުކެނޑި އެންމެ ގިނަދުވަސްވީ މެންބަރެކެވެ. މެންބަރުކަމުގައި މެދުނުކެނޑި އެންމެ ގިނަދުވަސްވީ ގިނަ މެންބަރުންތަކެއް ތިބި ނަމަ އެ މެންބަރުންގެ ތެރެއިން އުމުރުން އެންމެ ދޮށީ މެންބަރެކެވެ.
(ށ) ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނީ އެ މަޖިލީހުގެ ރައީސެވެ. މަޖިލީހުގެ ރައީސް ހާޒިރު ނުވާނަމަ ރިޔާސަތު ބަލަހައްޓާނީ ނައިބުރައީސެވެ. ރައީސާއި ނައިބުރައީސް ހާޒިރު ނުވާނަމަ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެމަތީން އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނޭ މީހަކު ކަނޑައަޅާނީ އެވެ.
(ނ) ރައްޔިތުންގެ މަޖިލީހުގެ ރައީސް އެ މަގާމުން އިސްތިއުފާ ދޭން ބޭނުންވެއްޖެނަމަ، އެކަން ބަޔާންކޮށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސަށް ސިޓީއަކުން އެކަން ހުށަހަޅައި، އެ ސިޓީ މަޖިލީހުގެ ނައިބުރައީސަށް ލިބުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އެ މަގާމުން ވަކިވީއެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އެ މަގާމުން އިސްތިއުފާ ދޭން ބޭނުންވެއްޖެނަމަ، އެކަން ބަޔާންކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ސިޓީއަކުން އެކަން ހުށަހަޅައި، އެ ސިޓީ މަޖިލީހުގެ ރައީސަށް ލިބުމުން ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އެ މަގާމުން ވަކިވީއެވެ.
(ރ) އަންނަނިވި ހާލަތްތަކުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބުރައީސް އެ މަގާމުން ވަކިވާނެއެވެ.
- އެ މީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވުން.
- އެ މީހަކު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްވުން.
(ބ) ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބުރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅާ ގަރާރެއް މަޖިލީހަށް ހުށަހެޅުމުގެ ސާދަ
ދުވަސް ކުރީން އެކަން އެ މަޖިލީހަށް އަންގާން ވާނެއެވެ.
(ޅ) ރައްޔިތުންގެ މަޖިލީހުގެ ރައީސް އެ މަގާމުން ވަކިކުރުމާބެހޭ ބަހުސެއް ހިނގާ، މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ރައީސް ބަލަހައްޓައިގެނެއް ނުވާނެއެވެ. ހަމައެހެންމެ، ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް މަގާމުން ވަކިކުރުމާބެހޭ ބަހުސެއް ހިނގާ މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ނައިބުރައީސް ބަލަހައްޓައިގެނެއް ނުވާނެއެވެ.
(ކ) ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބުރައީސް މަގާމުން ވަކިކުރުމާބެހޭ ބަހުސެއް ހިނގާ، މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވުމާއި، އެމީހެއްގެ ދިފާއުގައި ބަހުސްގައި ބައިވެރިވެ ވާހަކަދެއްކުމުގެ ހައްގު އެއިން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. ނަމަވެސް އެ މީހަކު މަގާމުން ވަކިކުރުމާބެހޭ ގޮތުން ނަގާ ވޯޓެއްގައި އެ މީހަކަށް ވޯޓެއް ނުދެވޭނެއެވެ.
83 ވަނަ މާއްދާ – ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް
ކޮންމެ އަހަރަކުމެ ރައްޔިތުންގެ މަޖިލީހުގެ ތިން ދައުރު އޮންނާންވާނެއެވެ. މިއިން ކޮންމެ ދައުރެއްމެ ފަށާ ދުވަހާއި ނިންމާ ދުވަސް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ކަނޑައަޅައިފައި އޮންނާންވާނެއެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އާންމުކޮށް ބާއްވާންވާނީ ރައްޔިތުންގެ މަޖިލިސްކުރާ ގޭގައެވެ.
84 ވަނަ މާއްދާ - ރިޔާސީ ބަޔާން
ކޮންމެ އަހަރަކުމެ، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރާންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވާންވާނެއެވެ.
85 ވަނަ މާއްދާ – ޖަލްސާތައް އާންމުންނަށް ހުޅުވައިލުން
(ހ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި މެނުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި އެ މަޖިލީހުގެ ކޮމިޓީތަކުގެ
ޖަލްސާތައް އޮންނާންވާނީ އާންމުންނަށް ހުޅުވައިލެވިފައެވެ.
(ށ) ގައުމީސަލާމަތަށްޓަކައި ނުވަތަ، އަމަންއާންމު ރައްކާތެރިކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނުވަތަ ޖަލްސާއަކުން ބައެއް ނުވަތަ އެ މަޖިލީހުގެ ކޮމެޓީއެއްގެ ޖަލްސާއެއް ނުވަތަ ޖަލްސާއަކުން ބައެއް ސިއްރު ޖަލްސާއެއްގެ ގޮތުގައި ބޭއްވިދާނެއެވެ. މިފަދަ ސިއްރު ޖަލްސާއެއް ބާއްވާންވާނީ ރައްޔިތުންގެ މަޖިލީހުގެ އެ ޖަލްސާއަކަށް ނުވަތަ ކޮމެޓީގެ އެ ޖަލްސާއަކަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން އެ ޖަލްސާއެއް ސިއްރު ޖަލްސާއެއްގެ ގޮތުގައި ބާއްވާން ފާސްކޮށްގެންނެވެ.
(ނ) މި މާއްދާގެ (ށ) އެހެން އޮތުމަކުން ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއްގެ ޖަލްސާއެއް ނުވަތަ ޖަލްސާއަކުން ބައެއް ސިއްރު ޖަލްސާއެއްގެ ގޮތުގައި ބޭއްވުމާ ބެހޭ އިތުރު ސަބަބުތައް ގަވާއިދުގައި ކަނޑައެޅުމަކަށް ހުރަހެއް ނާޅައެވެ.
86 ވަނަ މާއްދާ - ގާނޫނީ އަދަދު
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ގާނޫނީ އަދަދަކީ މަޖިލީހުގެ މެންބަރުންގެ ފަންސަވީސް އިންސައްތައެވެ.
87 ވަނަ މާއްދާ – ވޯޓުދިނުން
(ހ) މި ގާނޫނުއަސާސީ ގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ ރައްޔިތުންގެ މަޖިލީހުން ނިންމުމެއް ނިންމޭނީ އެ ޖަލްސާއަކަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
(ށ) މި ގާނޫނުއަސާސީ ގެ 86 ވަނަ މާއްދާ އެހެން އޮތްކަމުގައި ވިޔަސް ރައްޔިތުން އެމައްޗަށް އަމަލުކުރުން ލާޒިމްކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް އަހާންވާނީ އެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން އެ ވޯޓެއްނަގާ ޖަލްސާގައި ހާޒިރުވެތިބޭ ވަގުތެއްގައެވެ.
(ނ) ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާ މީހަކުމަޖިލީހުން ނިންމާ ނިންމުންތަކުގައި ވޯޓު ދީގެނެއް ނުވާނެއެވެ. އެހެންނަމަވެސް، ކަމަކާމެދު ނަގާ ވޯޓުގެ ފެންނަ ނުފެންނަ އަދަދު ހަމަހަމަވެއްޖެ ހާލަތެއްގައި މަޖިލީހުގެ ރައީސް ނުވަތަ ރިޔާސަތު ބަލަހައްޓާ މީހަކު އޭނާއަށް ފެންނަ ކޮޅަކަށް ވޯޓު ދޭންވާނެއެވެ.
(ރ) ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަދެބައިގެ ވޯޓުން ނުވަތަ ހަތަރުބައިކުޅަ ތިންބައިގެ ވޯޓުން ނިންމާންޖެހޭ ކަމެއް ނިންމުމުގައި، މަޖިލީހުގެ ރައީސަށް ނުވަތަ ރިޔާސަތު ބަލަހައްޓާ މީހަކަށް ވޯޓް ދެވިދާނެއެވެ.
88 ވަނަ މާއްދާ - ހިންގުމުގެ ގަވާއިދު ކަނޑައެޅުން
(ހ) މި ގާނޫނުއަސާސީ އާ ހިލާފުނުވާނޭ ގޮތުގެ މަތީން:
- ރައްޔިތުންގެ މަޖިލީހުގެ އިދާރީ އެންމެހައި ކަންތައްތައް ހިންގުމާއި، މުވައްޒަފުން ލެއްވުމާއި، ވަކިކުރުމާއި މުވައްޒަފުންގެ މުސާރަކަނޑައެޅުމާއި، މަޖިލީހުގެ ޖަލްސާތަކާ ބެހޭ އެންމެހައި ކަންތައްތައް ބަލަހައްޓާނީ ރައްޔިތުންގެ މަޖިލީހުންނެވެ. އަދި މި ކަންތައްތަކާ ގުޅޭ ގަވާއިދުތައް ހަދާނީ ވެސް އެ މަޖިލީހުންނެވެ.
- ރައްޔިތުން ފުރިހަމައަށް ތަމްސީ ލުވާނޭ، އަދި އެބައިމީހުންގެ ފުރިހަމަ ބައިވެރިވުން ލިބޭނޭ ދީމިގްރާތީ އުސޫލުތައް އެކުލެވޭނޭ، ޖަވާބުދާރީވާ، ހާމަކަންބޮޑު ގޮތަކަށް ރައްޔިތުންގެ މަޖިލިސް ހިންގުމަށް ބޭނުންވާނޭ ގަވާއިދުތަކާއި އުސޫލުތައް އެ މަޖިލީހުން ކަނޑައަޅާންވާނެއެވެ. އެ ގަވާއިދުތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސުލޫކީ މިންގަނޑުތަކާއި، ހާޒިރީއާ ގުޅޭ އުސޫލުތައް ހިމެނިދާނެއެވެ. އަދި މަޖިލީހުގެ ތިންބައިކުޅަދެބައިގެ އަގުލަބިއްޔަތުން ފާސްވެއްޖެ ނަމަ މެންބަރެއްގެ މުސާރައާއި އިނާޔަތްތައް ކެނޑޭނެ ގޮތްތައްވެސް ކަނޑައެޅިދާނެއެވެ.
(ށ) މި ގާނޫނުއަސާސީ ގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ކަމެއް ހިނގިގޮތުގެ ސައްހަކަން ބެލުމަށްޓަކައި އެއްވެސް ކޯޓަކަށް މައްސަލައެއް ހުށައެއް ނޭޅޭނެއެވެ.
89 ވަނަ މާއްދާ – މަޖިލީހުގެ ކަންތައްތައް ހިނގިގޮތުގެ މައުލޫމާތު ށާއިއުކުރުން
ރައްޔިތުންގެ މަޖިލީހުގެ އެންމެހައި ކަންތައްތައް ހިނގިގޮތުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ ދަފްތަރުގައި ލިޔެ، ށާއިއުކޮށް، އާންމުކޮށ ލިބޭން ހުންނާންވާނެއެވެ.
90 ވަނަ މާއްދާ – އިމްތިޔާޒު
(ހ) ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި، ނުވަތަ އެމަޖިލީހުގެ ކޮމިޓީއެއްގައި މަޖިލީހުގެ މެންބަރަކު ނުވަތަ އެނޫންވެސް މީހަކު އިސްލާމްދީނުގެ އަސްލަކާ ހިލާފް ނުވާ ގޮތުގެމަތީން ދެއްކި ވާހަކައެއް ނުވަތަ ހުށަހެޅި ހުށަހެޅުމެއްގެ ސަބަބުން ނުވަތަ ވޯޓް ދިނުމުގައި އަމަލުކުރި ގޮތެއްގެ ސަބަބުން، ކޯޓަކަށް އެމީހަކު ހާޒިރުކޮށް ނުވަތަ އެމީހަކާމެދު އެއްވެސް ތަހުގީގެއް ހިންގައި ނުވަތަ ހައްޔަރުކޮށް ނުވަތަ ބަންދެއްކޮށް ނުވަތަ އެމީހަކާމެދު ދައުވާއެއްކޮށް ހަދައިގެނެއް ނުވާނެއެވެ.
(ށ) ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި މަޖިލީހުގެ ކޮމިޓީތަކުގެ ބައްދަލަވުންތަކާ ބެހޭ ވާހަކަތައް ތެދުބަހުން ކަންހިނގި ގޮތުގެ ހަގީގަތް ނުގެއްލޭ ގޮތަށް ށާއިއުކުރާ ނުވަތަ ހާމަކުރާ މީހަކާ ދެކޮޅަށް ނުވަތަ އެފަދަ ވާހަކައެއް ދެއްކި މީހަކާމެދު އަދި އެފަދަ ވާހަކައެއް ށާއިއުކުރި ނޫސް މަޖައްލާއަކާމެދު އެއްވެސް ދައުވާއެއްކޮށް އަދި ފިޔަވަޅެއް އަޅައިގެނެއް ނުވާނެއެވެ.
91 ވަނަ މާއްދާ – ބިލު ތަސްދީގުކުރުމާއި އަލުން ވިސްނުމަށް އަނބުރާ ފޮނުވުން
(ހ) ރައްޔިތުންގެ މަޖިލީހުން ފާސްވާ ކޮންމެ ބިލެއްމެ ފާސްވާތާ ހަތްދުވަހުގެ ތެރޭގައި އެބިލު ތަސްދީގު ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާން ވާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް އެ ބިލު ލިބޭތާ ފަނަރަ ދުވަހުގެ ތެރޭގައި ބިލު ތަސްދީގު ކުރާން ވާނެއެވެ. ނުވަތަ އެ ބިލާމެދު އަލުން ވިސްނުމަށް ނުވަތަ އެ ބިލަށް ގެންނާން ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ އިސްލާހަކާމެދު ވިސްނުމަށް އެ މުއްދަތުގެ ތެރޭގައި އެ ބިލު ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުވާންވާނެއެވެ.
(ށ) ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އަނބުރާ ފޮނުވާ ބިލަކާ މެދު އަލުން ވިސްނުމަށްފަހު، އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް، އެ ބިލު ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްވެއްޖެނަމަ، އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކޮށް، ސަރުކާރުގެ ގެޒެޓްގައި ށާއިއުކުރާންވާނެއެވެ.
(ނ) ރައްޔިތުންގެ މަޖިލީހުން ފާސްވެގެން ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރުމަށް ފޮނުވާ ބިލެއް ތަސްދީގުކުރާން އޮންނަ މުއްދަތުގެ ތެރޭގައި އެ ބިލަކާމެދު އަލުން ވިސްނުމަށް ނުވަތަ އިސްލާހެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް އަނބުރާ ނުފޮނުވައިފިނަމަ، ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަސްދީގުކުރީ ކަމަށް ބަލައި، ސަރުކާރުގެ ގެޒެޓްގައި ށާއިއުކުރާންވާނެއެވެ.
92 ވަނަ މާއްދާ – ބިލު ގާނޫނަކަށް ވުމާއި ސަރުކާރުގެ ގެޒެޓްގައި ށާއިއުކުރުން
ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ގާނޫނަކަށްވާނީ، އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރުމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރާ ކޮންމެ ބިލެއް، އެ ބިލެއް ތަސްދީގުކުރާ ދުވަހު ސަރުކާރުގެ ގެޒެޓްގައި ށާއިއުކުރާންވާނެއެވެ. އެ ގާނޫނަކަށް އަމަލުކުރާން ފަށާނީ، އެ ގާނޫނެއް ގެޒެޓްގައި ށާއިއުކުރުމަށްފަހު، އެ ގާނޫނެއްގައިވާ ގޮތުގެމަތީންނެވެ.
93 ވަނަ މާއްދާ – މުއާހަދާތައް
(ހ) ދިވެހިދައުލަތުގެ ނަމުގައި، ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަގްވާމީ މުއާހަދާތަކަށް އަމަލުކުރާންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ މަޖިލީހުން ފާސްކުރުމަށްފަހު، އެ މަޖިލީހުން ނިންމާގޮތުގެ މަތީންނެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްކަމުގައިވިޔަސް، ދިވެހިދައުލަތުން ބައިވެރިވާ، ބައިނަލްއަގްވާމީ މުއާހަދާތަކުގެ މައްޗަށް އަމަލުކުރުމަށް ރައްޔިތުންނަށް ލާޒިމުވާނީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
94 ވަނަ މާއްދާ – ގާނޫނީ ބާރު ލިބިގެންވާ ގަވާއިދު ހެދުމާއި އަމުރުތައް ނެރުމުގެ ބާރު ދިނުން
ކަނޑައެޅޭ ވަކި ކަމެއް ކުރުމަށްޓަކައި، އެކިއެކި އަމުރުތައް ނެރުމާއި ގަވާއިދު ހެދުމާއި އެނޫންވެސް ގާނޫނީ ބާރު އެކުލެވިގެންވާ އަމުރުތައް ނެރުމުގެ ބާރު ވަކި މީހަކަށް ނުވަތަ ވަކި މުއައްސަސާއަކަށް ގާނޫނެއްގެ ދަށުން ދިނުމުގެ އިހްތިޔާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންވެއެވެ. މީގެތެރޭގައި، އަންނަނިވި ކަންތައްތައް ވެސް ހިމެނެއެވެ.
(ހ) ގާނޫނަކަށް އަމަލުކުރާން ފަށާނޭ ނުވަތަ އަމަލުކުރުން ހުއްޓައިލާނޭ ތާރީހެއް ކަނޑައެޅުން.
(ށ) ވަކި ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ހިންގޭނީ ވަކިބައެއްގެ މައްޗަށްކަން ނުވަތަ ވަކި ސަރަހައްދަކަށްކަން ކަނޑައެޅުން.
95 ވަނަ މާއްދާ - ސުޕްރީމްކޯޓުން ލަފާހޯދުން
ގާނޫނުގައި ކަން އޮތްގޮތާ މެދު އުފެދޭ މުހިންމު ސުވާލުތަކާ މެދު ނުވަތަ ގާނޫނީގޮތުން ކަމެއް އޮތްގޮތާމެދު ސުޕްރީމްކޯޓުގެ ލަފައަކަށް އެދި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރަކުން ސުޕްރީމްކޯޓަށް ހުށަހެޅިދާނެއެވެ. މިގޮތުން ހުށަހެޅޭ ކަންތައްތަކުގެ ތެރޭގައި ގާނޫނުއަސާސީ މާނަކުރުމުގެ މައްސަލަތަކާއި ވަކި ގާނޫނެއްގެ ސައްހަކަމާ މެދު އުފެދޭ ސުވާލުތައް ހިމެނެއެވެ. މިފަދަ ކަންކަމަށް ސުޕްރީމްކޯޓުން ދޭ ލަފާ ބިނާކޮށްފައިވާ ސަބަބުތައް ބަޔާންކުރުމާއެކު އެ ލަފާ ސުޕްރީމްކޯޓުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާންވާނެއެވެ. އެ ލަފާ އޮންނާންވާނީ އިސްތިއުނާފު ކުރުމަށް ސުޕްރީމްކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި އެ ކޯޓުން ނެރޭ ހުކުމްތަކާ އެއްފަދައިންނެވެ.
96 ވަނަ މާއްދާ - އަހަރީ ބަޖެޓް
(ހ) ކޮންމެ މާލީ އަހަރެއް ފެށުމުގެކުރީން އެ އަހަރަކަށް ދައުލަތުން ހިނގާނޭކަމަށްލަފާކުރާ ހަރަދާއި، ދައުލަތަށް ލިބޭނޭކަމަށް ލަފާކުރާ އާމްދަނީގެ ހިސާބު ހިމެނޭ ބަޖެޓެއް، އަދި ވޭތުވެދިޔަ މާލީއަހަރު ދައުލަތުން ހިނގި ހަރަދާއި، ދައުލަތަށް ލިބުނު އާމްދަނީގެ ހިސާބު މިނިސްޓަރ އޮފް ފިނޭންސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާންވާނެއެވެ.
(ށ) މިނިސްޓަރ އޮފް ފިނޭންސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓަށް، ރައްޔިތުންގެ މަޖިލީހުން ގެންނާން ފެންނަ އުނިއިތުރެއް ގެނެވިދާނެއެވެ. ނުވަތަ އުނިއިތުރެއް ނުގެނެސް ފާސްކުރެވިދާނެއެވެ.
(ނ) ރައްޔިތުންގެ މަޖިލީހުން ހުއްދަލިބިގެން މެނުވީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައިވާ މިންވަރަށްވުރެ ހަރަދު އިތުރުކޮށްގެނެއް ނުވާނެއެވެ. އަދި ބަޖެޓުގައި ވަކި ކަމަކަށް ހަރަދެއްކުރުމަށް ކަނޑައަޅައިފައިވާނަމަ އެ ހަރަދެއް ކުރާންވާނީ އެކަމަކަށް އެކަންޏެވެ.
97 ވަނަ މާއްދާ - ޓެކްސް ނެގުމާއި ހަރަދުކުރުން
ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނެއްގައިވާ ގޮތުގެމަތީން މެނުވީ ވެރިކަން ހިންގާ ފަރާތުން އަންނަނިވި ކަންތައްތަކުންކުރެ ކަމެއް ކޮށްގެނެއް ނުވާނެއެވެ.
(ހ) ދައުލަތުގެ މުދަލާއި ފައިސާ ހަރަދުކުރުމާއި ހޭދަކުރުން.
(ށ) ދައުލަތަށް އާމްދަނީއެއް ހޯދުމަށް އެއްވެސް ޓެކުހެއް ނުވަތަ އެނޫންވެސް އެއްޗެއް ނެގުން.
(ނ) ލޯނުގެ ގޮތުގައި ނުވަތަ އެނޫންވެސް ގޮތަކުން މުދަލާއި ފައިސާ ހޯދުމާއި ގަބޫލުކުރުން.
(ރ) ދަރަނި އަދާކުރާނެ ކަމުގެ ޔަގީންކަން ދައުލަތުގެ ނަމުގައި ދިނުން.
98 ވަނަ މާއްދާ – ވަޒީރުންނާއި ސަރުކާރުގެ މަގާމްތަކުގައި ތިބޭ މީހުންނާ ސުވާލުކުރުން
(ހ) ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ނުވަތަ ސަރުކާރުގެ އެހެންވެސް މަގާމެއްގައި ހުރި މީހަކު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމަށާއި، އެ މީހަކު އަދާކުރާންޖެހޭ ޒިންމާއާއި މަސްއޫލިއްޔަތާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެމަތީން، އެ މީހަކާކުރެވޭ ސުވާލުތަކަށް ތެދުބަހުން ޖަވާބު ދިނުމަށާއި، އެ މީހަކު އަދާކުރާންޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން އެ މީހަކަށް އެންގިދާނެއެވެ.
(ށ) ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ނުވަތަ ސަރުކާރުގެ އޮފީހެއްގެ ވެރިޔަކު އަދާކުރާ ވާޖިބުތަކާބެހޭގޮތުން، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެމަތީން، އެ މީހަކާ ލިޔުމުން ނުވަތަ އަނގަބަހުން ސުވާލުކުރުމުގެ ހައްގު ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރަކަށްމެ ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންވެގެންވާ ފަދައިން ވަޒީރުންގެ މަޖިލީހުގެ މެންބަރަކާ ނުވަތަ ސަރުކާރުގެ އެއްވެސް ފަރާތަކާ އެ މީހަކު އަދާކުރާ މަސްއޫލިއްޔަތުތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކުރާ ކޮންމެ ސުވާލަކަށް އެ މީހަކަށް އެނގިހުރި އެންމެ ރަނގަޅަކަށް ތެދުބަހުން ޖަވާބު ދޭންވާނެއެވެ.
(ރ) މި މާއްދާގައި ބަޔާންވެގެންވާ ގޮތުގެމަތީން ކުރާ ސުވާލުތަކާއި އެ ސުވާލުތަކަށް ދޭ ޖަވާބުތައް ރައްޔިތުންގެ މަޖިލީހުގެ އެހެނިހެން ކަންތައްތައް ވެސް ށާއިއުކުރާ ފަދައިން އާންމުކޮށް ށާއިއުކުރާން ވާނެއެވެ.
99 ވަނަ މާއްދާ - މީހުން ހާޒިރުކުރުން
ރައްޔިތުންގެ މަޖިލީހުން ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކުން އަންނަނިވި ކަންތައްތައް ކުރުމުގެ ބާރު އެ މަޖިލީހަށް ލިބިގެންވެއެވެ.
(ހ) ކޮންމެ މީހަކަށްމެ، ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވެ، އެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެމަތީން ހެކިބަސް ދިނުމަށާއި ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހެޅުމަށް އެންގުން. މި މާއްދާގައި ބަޔާންވެގެންވާ ފަދައިން ރައްޔިތުންގެ މަޖިލީހުން ކޮންމެ މީހަކާކުރާ ކޮންމެ ސުވާލަކަށްމެ އެ މީހަކަށް އެނގިހުރި އެންމެ ރަނގަޅަކަށް ތެދުބަހުން ޖަވާބުދޭންވާނެއެވެ.
(ށ) ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވުމަށް ވަކި މީހަކަށް ނުވަތަ ވަކި މުއައްސަސާއަކަށް އެންގުން.
(ނ) މުއައްސަސާތަކުންނާއި މީސްމީހުން ހުށަހަޅާ ށަކުވާތަކާއި އިލްތިމާސްތަކާއި އެހެނިހެން ހުށަހެޅުންތައް ބަލައިގަތުން.
100 ވަނަ މާއްދާ – ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރުން
(ހ) އަންނަނިވި ހާލަތްތަކުން ކުރެ ހާލަތެއް މެދުވެރިވެއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރަކުން ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރެވިދާނެއެވެ.
- އިސްލާމްދީނުގެ އަސްލަކާ ނުވަތަ ގާނޫނުއަސާސީ އާ ނުވަތަ ގާނޫނަކާ ކަނޑައެޅިގެން ހިލާފުވުން.
- ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމުގައި ހުރެ ކުރުން އެކަށީގެންނުވާ ފަދަ ކަމެއްކުރުން.
- ރައީސުލްޖުމްހޫރިއްޔާގެ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނާގާބިލްވުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭނީ ރައްޔިތުންގެ މަޖިލީހުގެ
މަދުވެގެން ތިންބައިކުޅަ އެއްބައި މެންބަރުން ސަބަބު ބަޔާންކޮށް، ސޮއިކޮށްފައިވާ ލިޔުމަކުންނެވެ.
(ނ) ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރުމަށް ހުށަހަޅާ ގަރާރުގައި ބަޔާންކޮށްފައިވާ މައްސަލަ ތަހުގީގްކޮށް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކާ އެ މަޖިލީހުން ހަވާލުކުރެވިދާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ މައްސަލައަކާ މެދު މަޖިލީހުގައި ބަހުސް ފެށުމުގެ މަދުވެގެން ސާދަ ދުވަސް ކުރީން ރައީސުލްޖުމްހޫރިއްޔާއަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް އެކަން އަންގާންވާނެއެވެ. އަދި އެ ބަހުސްގައި އަނގަބަހުންނާއި ލިޔުމުން އޭނާގެ ދިފާއުގައި މަސައްކަތްކުރުމުގެ ހައްގު ރައީސުލްޖުމްހޫރިއްޔާއަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ލިބިގެންވެއެވެ. އަދި ގާނޫނީ ވަކީލުން ބޭނުންކުރުމުގެ ހައްގު ރައީސުލްޖުމްހޫރިއްޔާ އަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ލިބިގެންވެއެވެ.
(ބ) ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމުގައި ހުރި މީހަކު އެ މަގާމުން ވަކިކުރުމަށް މި މާއްދާގެ (ށ) ގައިވާގޮތުގެ މަތީން ހުށަހަޅާ ގަރާރެއް، ރައްޔިތުންގެމަޖިލީހުން ފާސްވާނީ އެމަޖިލީހުގެ ޖުމްލަ މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުންނެވެ. ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުރި މީހަކު ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމުގައި ހުރި މީހަކު އެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިނަމަ އެ މީހަކު މަގާމުން ވަކިވީއެވެ.
(ޅ) ގާނޫނުއަސާސީ ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރުމުގައި އަމަލުކުރާންވީ ގޮތްތަކާއި އުސޫލުތައް ތަފްސީލްކޮށް އެނގޭނޭގޮތަށް ރައްޔިތުންގެ މަޖިލީހުގެ ހިންގުމުގެ ގަވާއިދުގައި ކަނޑައަޅާންވާނެއެވެ.
101 ވަނަ މާއްދާ – ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތްކަމުގެ ވޯޓް
(ހ) ރައްޔިތުންގެ މަޖިލީހުގެ މަދުވެގެން ދިހަ މެންބަރުން، ސަބަބު ބަޔާންކޮށް، ސޮއިކޮށް ހުށަހަޅާ ހުށަހެޅުމަކުން ވަޒީރުންގެ
މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހުށަހެޅުމަކާ މެދު ރައްޔިތުންގެ މަޖިލީހުގައި ބަހުސް ފެށުމުގެ ސާދަ ދުވަސް ކުރީން ވަޒީރުންގެ މަޖިލީހުގެ އެ މެންބަރަކަށް އެ ކަން އަންގާންވާނެއެވެ. އަދި އެ ބަހުސްގައި އަނގަބަހުންނާއި ލިޔުމުން އޭނާގެ ދިފާއުގައި މަސައްކަތްކުރުމުގެ ހައްގު އެ މެންބަރަކަށް ލިބިގެންވެއެވެ.
(ނ) ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްވެއްޖެކަމަށް ބެލޭނީ، މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތު، އެ މެންބަރެއްގެ އިތުބާރު ނެތްކަމުގެ ހުށަހެޅުމަށް ލިބިއްޖެނަމައެވެ.
(ރ) ރައްޔިތުންގެ މަޖިލީހުން ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތްކަމަށް ފާސްކޮށްފިނަމަ އެ މެންބަރަކު އޭނާގެ މަގާމުން ވަކިވީއެވެ.
102 ވަނަ މާއްދާ - މުސާރައާއި އިނާޔަތްތައް
ރައީސުލްޖުމްހޫރިއްޔާއަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބަށާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސަށާއި ފަނޑިޔާރުންނަށާއި، މުސްތަގިއްލު ކޮމިށަންތަކުގެ މެންބަރުންނަށާއި މުސްތަގިއްލު މަގާމްތަކަށް މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.
103 ވަނަ މާއްދާ – ނާޖާއިޒް ފައިދާ ނުވަތަ މަންފާ ނުނެގުން
ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު، ނުވަތަ އެއިން މެންބަރެއްގެ މެންބަރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެހީތެރިވެދޭ އެއްވެސް މުވައްޒަފަކު، މަގާމުގެ ހައިސިއްޔަތުން އެއިން މީހަކަށް ލިބިފައިވާ މައުލޫމާތެއްގެ ނުވަތަ އެއިން މީހަކު އަދާކުރާ ވަޒީފާގެ ބޭނުން އަމިއްލައަށް ނާޖާއިޒް ފައިދާއެއް ނުވަތަ ނާޖާއިޒް މަންފާއެއް ހާސިލްކުރުމަށް ނުވަތަ އެހެން މީހަކަށް އެފަދަ ފައިދާއެއް ނުވަތަ މަންފާއެއް ހޯދައިދިނުމަށް ބޭނުންކޮށްގެނެއް ނުވާނެއެވެ.
104 ވަނަ މާއްދާ - އަމީންއާންމު
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާބެހޭ ކަންތައްތައް ހަމަޖައްސައި، ލިޔެކިޔުންތައް ބަލަހައްޓައި، އިދާރީ މަސައްކަތްތައް ރާވައި ހިންގުމަށާއި، މަޖިލީހުގެ ރައީސަށާއި މެންބަރުންނަށް އެ މީހުންގެ މަސައްކަތުގައި އެހީތެރިވުމަށް މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތީން ރައްޔިތުންގެ މަޖިލީހުން އެ މަޖިލީހުގެ އަމީންއާންމުގެ މަގާމަށް މީހަކު އައްޔަންކުރާންވާނެއެވެ.
105 ވަނަ މާއްދާ - ސަލާމަތީ ކަންކަން ބެލެހެއްޓުން
(ހ) ރައްޔިތުންގެ މަޖިލީހުގެ ގެއާއި، އެ ގޭގެ ގޯތި ތެރެއާއި، ރައްޔިތުންގެ މަޖިލީހުގެ ދަށުން ހިނގާ އެންމެހައި ތަންތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓާންވާނީ ދައުލަތުގެ ސަލާމަތީ ހިދުމަތްތަކުންނެވެ.
(ށ) ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމަށް ދައުލަތުގެ ސަލާމަތީ ހިދުމަތްތަކުން މަސައްކަތް ކުރާންވާނެއެވެ.
ހަތަރުވަނަ ބާބު
ރައީސުލްޖުމްހޫރިއްޔާ
106 ވަނަ މާއްދާ - ވެރިކަން ހިންގުމުގެ ބާރު
(ހ) ގާނޫނުއަސާސީ އާއި ގާނޫނުގައިވާ ގޮތުގެމަތީން ވެރިކަން ހިންގުމުގެ ބާރުތައް ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.
(ށ) ދައުލަތުގެ އެންމެމަތީ ވެރިޔަކީ، އަދި ސަރުކާރުގެ އެންމެމަތީވެރިޔަކީ، އަދި ސިފައިންގެ އެންމެ މަތީ ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާއެވެ.
(ނ) ދައުލަތް ހިންގުމުގެ އެންމެހައި އުސޫލުތައް ކަނޑައަޅާނީ މި ގާނޫނުއަސާސީން ކަމަށްވީހިނދު، މި ގާނޫނުއަސާސީ ދަމަހައްޓައި، ދިފާއުކޮށް، ގާނޫނުއަސާސީ އަށް ހުރުމަތްތެރިކޮށް ހިތުން މަތީ ރައީސުލްޖުމްހޫރިއްޔާ ދެމިހުންނާންވާނެއެވެ. އަދި ދައުލަތުގެ އެއްބައިވަންތަކަން ދަމަހައްޓާން މަސައްކަތް ކުރާންވާނެއެވެ.
(ރ) ރައީސުލްޖުމްހޫރިއްޔާ ވެރިކަން ހިންގާންވާނީ ގާނޫނުއަސާސީ އާއި ގާނޫނުގައިވާ ގޮތުގެމަތީންނެވެ.
107 ވަނަ މާއްދާ - ރިޔާސަތުގެ ދައުރު
(ހ) ރައީސުލްޖުމްހޫރިއްޔާކަމުގެ ދައުރަކީ ފަސް އަހަރު ދުވަހެވެ. އަދި، މި ގާނޫނުއަސާސީ ގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުކުރެވޭ އެއްވެސް މީހަކަށް ވިދިވިދިގެން ނުވަތަ އެނޫން ގޮތަކަށްވެސް ދެ ދައުރަށްވުރެ ގިނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމެއް ނުފުރޭނެއެވެ.
(ށ) ހިނގަމުންދާ ރިޔާސީ ދައުރެއްގައި އެއްވެސް ސަބަބަކާ ހުރެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމް ހުސްވެގެން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހަވާލު ވެއްޖެ ހިނދެއްގައި، މި މާއްދާގެ (ހ) ގެ ބޭނުމަށް، އެ ދައުރު ރިޔާސީ ދައުރެއްގެ ގޮތުގައި ގުނާނީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހަވާލުވީއިރު، އެ ރިޔާސީ ދައުރުގައި މަދުވެގެން ދެ އަހަރު ދުވަސް ބާކީ އޮތްނަމައެވެ.
108 ވަނަ މާއްދާ – ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާ ގޮތް
ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާނީ ސީދާ ރައްޔިތުންގެ ސިއްރު ވޯޓަކުންނެވެ.
109 ވަނަ މާއްދާ – ރައީސުލްޖުމްހޫރިއްޔާއަކަށް އިންތިހާބުކުރާ މީހެއްގައި ހުންނާންވީ ށަރުތުތައް
ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އިންތިހާބުކުރެވޭ މީހެއްގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.
(ހ) ދިވެހި މަންމައަކާއި ދިވެހި ބައްޕައަކަށް އުފަން ދިވެހި ރައްޔިތަކު ކަމުގައިވުން އަދި ބޭރުގައުމެއްގެ ރައްޔިތަކު ކަމުގައި ނުވުން.
(ށ) މުސްލިމަކު ކަމުގައި ވުމާއި، ސުންނަތް ޖަމާއަތުގެ މީހަކު ކަމުގައިވުން.
(ނ) އުމުރުން ތިރީސްފަސް އަހަރުވެފައިވާ މީހަކުކަމުގައިވުން.
(ރ) ބުއްދި ހަމައަށްހުރި މީހަކު ކަމުގައިވުން.
(ބ) އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، އެ ދަރަނި ހަލާސްނުކޮށް ހުރި މީހަކު ކަމުގައި ނުވުން.
(ޅ) ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ތިންއަހަރު ވެފައިވާ މީހަކު ކަމުގައިވުން.
(ކ) މި މާއްދާގެ (ޅ) ގައި އެހެން އޮތްކަމުގައިވީ ނަމަވެސް އެ މީހަކީ އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ މަކަރާ ހީލަތް، ޓެކުން، ހިޔާނާތުގެ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
110 ވަނަ މާއްދާ - އިންތިހާބު ބޭއްވުން
ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް އިންތިހާބު ބާއްވާނީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުރި މީހެއްގެ މަގާމުގެ ދައުރު ހަމަވުމުގެ ސަތޭކަ ވިހި ދުވަހާއި ތިރީސް ދުވަހާ ދެމެދުގަ އެވެ.
111 ވަނަ މާއްދާ - ރިޔާސީ އިންތިހާބު
(ހ) ރައީސުލްޖުމްހޫރިއްޔާކަމަށް މީހަކު އިންތިހާބުވާނީ ވޯޓުދިން މީހުންގެ ފަންސާސް އިންސައްތައަށް ވުރެ ގިނަ ވޯޓު އެ މީހަކަށް ލިބިގެންނެވެ. ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހުންގެ ތެރެއިން އެއްވެސް ކެންޑިޑޭޓަކަށް ފަންސާސް އިންސައްތައަށް ވުރެ ގިނަ ވޯޓު ނުލިބިއްޖެނަމަ އެ އިންތިހާބު ބޭއްވުނުތާ އެކާވީސް ދުވަހުގެ ތެރޭގައި އިންތިހާބުގެ ދެވަނަ ބުރެއް ބާއްވާން ވާނެއެވެ. އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރާނީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންނެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެގިނަ ވޯޓުލިބުނު ދެ ކެންޑިޑޭޓުންނަށް ވޯޓު ލިބުނީ އެއް އަދަދަކަށް ކަމުގައިވާނަމަ، އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރާނީ އެދެ ކެންޑިޑޭޓުން އެކަންޏެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައި ދެވަނައަށް އެންމެގިނަ ވޯޓު ލިބުނީ ދެ ކެންޑިޑޭޓަކަށް އެއް އަދަދަކަށް ކަމުގައިވާނަމަ، އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރާނީ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބުނު ކެންޑިޑޭޓާއި ދެވަނައަށް އެންމެ ގިނަ ވޯޓުލިބުނު ދެ ކެންޑިޑޭޓުންނެވެ.
(ށ) އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރާ ދެ ކެންޑިޑޭޓުންގެ ތެރެއިން އެއް ކެންޑިޑޭޓަކު، އެއްވެސް ސަބަބަކާހުރެ އިންތިހާބުން ވަކިވެއްޖެ ނަމަ އިންތިހާބުގެ ފުރަތަމަ ބުރުގައި ތިންވަނައަށް އެންމެ ގިނަ ވޯޓު ލިބުނު ކެންޑިޑޭޓަށް އިންތިހާބުގެ ދެވަނަ ބުރުގައި ވާދަ ކުރެވޭނެއެވެ.
(ނ) ރިޔާސީ އިންތިހާބާ ބެހޭ ގާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރާންވާނެއެވެ.
112 ވަނަ މާއްދާ – ރައީސުލްޖުމްހޫރިއްޔާގެ ނައިބު
(ހ) ރައީސުލްޖުމްހޫރިއްޔާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް އެހީތެރިވެދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބަކު ހުންނާންވާނެއެވެ.
(ށ) ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ކުރިމަތިލާ ކޮންމެ މީހަކުމެ، އޭނާއާ އެކުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބަކަށް ހުންނާނޭ މީހެއްގެ ނަން އާންމުކޮށް އިއުލާންކުރާންވާނެއެވެ.
(ނ) ރައީސުލްޖުމްހޫރިއްޔާގެ ނައިބުގައި ހުންނާންޖެހޭ ށަރުތުތަކަކީ ރައީސުލްޖުމްހޫރިއްޔާގައި ހުންނާންޖެހޭ ށަރުތުތަކެވެ.
(ރ) އެއްވެސް ސަބަބަކާހުރެ ރައީސުލްޖުމްހޫރިއްޔާގެ މަގާމް ހުސްވެއްޖެނަމަ، ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވާނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.
113 ވަނަ މާއްދާ - ސުޕްރީމްކޯޓުގެ ނިންމުން
ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ކުރިމަތިލާ މީހެއްގައި ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބަކަށް ހުންނާނޭކަމަށް އިއުލާންކުރެވޭ މީހެއްގައި ހުންނާންޖެހޭ ށަރުތުތައް ފުރިހަމަވާކަމާ މެދު، ނުވަތަ ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބު ކުރުމުގައި ދިމާވާ ކަމަކާމެދު، ނުވަތަ ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަގާމުން ދުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުމަކާމެދު އެއްވެސް ހިލާފެއް އުފެދިއްޖެނަމަ، އެ ކަމެއް ވަކި ގޮތަކަށް ނިންމުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި ސުޕްރީމްކޯޓަށެވެ. މިފަދަ ނިންމުމެއް ސުޕްރީމްކޯޓުން ނިންމާންވާނީ އެ ކޯޓުގައި ހިމެނޭ ހުރިހައި ފަނޑިޔާރުން ތިބެގެންނެވެ. އަދި އެ ގޮތުން އެ ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުމެވެ.
114 ވަނަ މާއްދާ – ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުގެ ހުވައިކުރުން
ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އިންތިހާބުވާ މީހަކު، އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަގާމަށް ކަނޑައަޅައިފައިވާ މީހަކު، އެ މީހެއްގެ މަގާމާ ހަވާލުވުމުގެ ކުރީން، ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު ނުވަތަ އުއްތަމަފަނޑިޔާރު އެކަމަށް ކަނޑައަޅާ ފަނޑިޔާރެއްގެ ކުރިމަތީގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި، މި ގާނޫނުއަސާސީ ގެ ޖަދުވަލު 1 ގައިވާ އެ މީހެއްގެ މަގާމުގެ ހުވައިކޮށް އެ ހުވައިގެ އިގްރާރުގައި ސޮއިކުރާންވާނެއެވެ.
115 ވަނަ މާއްދާ – ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި މަސްއޫލިއްޔަތުތައް
ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި މަސްއޫލިއްޔަތު ކަމުގައި މި ގާނޫނުއަސާސީ ގެ އެހެނިހެން މާއްދާތަކުގައްޔާއި ގާނޫނުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުން ތިރީގައި މިވާ ކަންތައްތައްކުރުން ރައީސުލްޖުމްހޫރިއްޔާއާ މި ގާނޫނުއަސާސީން ހަވާލުކޮށް، އެ ކަންތައްތައް ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް މި ގާނޫނުއަސާސީން ދެއެވެ.
(ހ) މި ގާނޫނުއަސާސީ އާއި ގާނޫނުން ކަނޑައަޅައިފައިވާ ކަންތައްތައް އިހްލާސްތެރިކަމާއެކު ތަންފީޒުކޮށް، ދައުލަތުގެ މުއައްސަސާތަކުންނާއި ރައްޔިތުން ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތަށް އަމަލުކުރުމަށް ބާރުއެޅުން.
(ށ) ސަރުކާރުގެ އެންމެހައި އިދާރާތައް ގުޅިގެން ހިންގުންތެރިކަމާއެކު މަސައްކަތްކުރޭތޯ ބެލުން.
(ނ) ގާނޫނުގެ ވެރިކަން ކުރިއަރުވައި، އެންމެންގެ ހައްގުތަކާއި މިނިވަންކަން ރައްކާތެރިކުރުން.
(ރ) ދިވެހިރާއްޖޭގެ މިނިވަންކަމާއި ސަރަހައްދުގެ ރައްކާތެރިކަން ދެމެހެއްޓުމާއެކު ބައިނަލްއަގްވާމީ މުޖްތަމައުގައި ދިވެހިރާއްޖޭގެ ގައުމީ ސިޔާދަތަށް އިހްތިރާމްކުރުން އިތުރުކުރުވުން.
(ބ) ދައުލަތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައަޅައި އެ ސިޔާސަތުތައް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކަށާއި މުއައްސަސާތަކަށް އަންގައި، އެ ތަންތަނަށް ބޭނުންވާ އިރުށާދު ދިނުން.
(ޅ) ވަޒީރުންގެ މަޖިލީހަށާއި، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބު އަދާކުރުމަށްޓަކައި ބޭނުންވާ މަގާމުތަކަށް، މީހުން އައްޔަންކުރުމާއި،އެ މަގާމުތަކުން މީހުން ވަކިކުރުމާއި، އެ މީހުންގެ އިސްތިއުފާ ގަބޫލުކުރުން.
(ކ) ވަޒީރުންގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުން.
(އ) ހަނގުރާމަ ނުވަތަ ސުލްހަ އިއުލާންކުރުމުގެ ގަރާރު ނެރުމާއި އެފަދަ ގަރާރުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވަގުތުން އެ މަޖިލީހަށް ހުށަހެޅުން.
(ވ) ގާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުގެމަތީން ކުއްލިނުރައްކަލުގެ ހާލަތު އިއުލާންކުރުން.
(މ) ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ކަނޑައަޅައި، ހިންގައި، އެސިޔާސަތު ހިނގާނުހިނގާ ގޮތް ބަލައި، ބޭރު ގައުމުތަކާއި ބައިނަލްއަގްވާމީ ޖަމްއިއްޔާތަކާއެކު ގުޅުން ގާއިމްކޮށް ދެމެހެއްޓުން.
(ފ) (1) ބޭރު ގައުމުތަކާއި ބައިނަލްއަގްވާމީ ޖަމްއިއްޔާތަކާއެކު ދިވެހިރާއްޖެއިން ވާ މުއާހަދާތަކާއި އެއްބަސްވުންތަކުގެ ތެރެއިން ރައްޔިތުން އެއްވެސް އިލްތިޒާމެއް އުފުލާން ނުޖެހޭ ބާވަތުގެ އާންމު އެއްބަސްވުންތަކުގައި ސޮއިކުރުން.
(2) ބޭރު ގައުމުތަކާއި ބައިނަލްއަގްވާމީ ޖަމްއިއްޔާތަކާއެކު ދިވެހިރާއްޖެއިން ވާ މުއާހަދާތަކާއި އެއްބަސްވުންތަކުގެ ތެރެއިން ރައްޔިތުން އެއްވެސް އިލްތިޒާމެއް އުފުލާން ޖެހޭ ބާވަތުގެ މުއާހަދާތަކާއި އެނޫންވެސް އެއްބަސްވުންތަކުގައި ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ސޮއިކޮށް، ތަސްދީގްކުރުން.
(ދ) ބޭރުގައުމުތަކަށާއި ބައިނަލްއަގްވާމީ ޖަމްއިއްޔާތަކަށް ރާއްޖެއިން ކަނޑައަޅާ ސަފީރުން ރައްޔިތުންގެ މަޖިލީހުގެ މަށްވަރާގެ މަތީން އައްޔަންކުރުން.
(ތ) ބޭރު ގައުމުތަކަށާއި ބައިނަލްއަގްވާމީ ޖަމްއިއްޔާތަކަށް ރާއްޖެއިން އައްޔަންކޮށްފައިވާ ސަފީރުން އަނބުރާ ގެނައުމާއި މަގާމުން ވަކިކުރުން.
(ލ) ބޭރުގައުމުތަކާއި އެނޫންވެސް ފަރާތްތަކުން ރާއްޖެއަށް ކަނޑައަޅާ ސަފީރުންގެ ފަތްކޮޅު ބަލައިގަތުމާއި އެ ސަފީރުން އަނބުރާ ގެންދިއުމުގެ ލިޔުން ބަލައިގަތުން.
(ގ) އެކިއެކި ތަހުގީގުތައް ކުރުމަށް ނުވަތަ ގައުމީ މައްސަލަތަކުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުމަށް އުފައްދާންޖެހޭ ވަގުތީ ކޮމިށަންތައް އުފެއްދުން.
(ޏ) ގައުމީ މުހިންމު މައްސަލަތަކުގައި ރައްޔިތުންނަށް ފެންނަގޮތް ބެލުމަށް ރައްޔިތުންގެ ހިޔާލުހޯދުމުގެ އާންމު ވޯޓުނެގުން.
(ސ) ގައުމީ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތައް ކަނޑައެޅުން.
(ޑ) އެކިފަރާތްތަކަށް، ގާނޫނުގައިވާ ގޮތުގެމަތީން، އިނާމާއި، ލަގަބާއި، ށަރަފާއި، ނިށާނާއި، މެޑެލް ދިނުން.
(ޒ) ޖިނާއީކުށްތަކުގައި ހުކުމްކޮށްފައިވާ، އިސްތިއުނާފް ކުރުމުގެ އިތުރު ފުރުސަތެއް ނެތް މީހުންގެ ތެރެއިން، ވަކިވަކި ފަރުދުންގެ ކުށަށް ގާނޫނުގައިވާ ގޮތުގެމަތީން މައާފް ދިނުމާއި، އަދަބު ލުއިކޮށްދިނުން.
(ޓ) ސަލާމަތީ ހިދުމަތްތަކަށް މި ގާނޫނުއަސާސީން އަމަލުކުރުން ލާޒިމުކުރާ އުސޫލުތަކަށް ސަލާމަތީ ހިދުމަތްތަކުން ތަބާވާކަން ކަށަވަރުކުރުން.
(ޔ) ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަ މީހަކު އަދާކުރާންޖެހޭ ކަމަށް މި ގާނޫނުއަސާސީ އާއި ގާނޫނުގައި ބަޔާންކޮށްފައިވާ މިނޫންވެސް މަސްއޫލިއްޔަތުތައް އަދާކުރުން.
116 ވަނަ މާއްދާ - ސަރުކާރުގެ ވުޒާރާތައް
(ހ) ސަރުކާރުން އުފައްދާން ބޭނުންވާ އެންމެހައި ވުޒާރާތަކާއި އެ ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާތައް ކަނޑައެޅުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ. އަދި ސަރުކާރުން އުފައްދާ ވުޒާރާތަކާއި އެ ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ، އެ މަޖިލީހަށް ހުށަހަޅާންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ސަރުކާރުން އުފައްދާ ވުޒާރާތަކާއި އެ ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާތައް ކަނޑައަޅައިފައިވާ ގޮތާމެދު ރައްޔިތުންގެ މަޖިލީހަށް ފެންނަ ހިޔާލާއި މަށްވަރާ ރައީސުލްޖުމްހޫރިއްޔާއަށް ދެވިދާނެއެވެ.
117 ވަނަ މާއްދާ – ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަސްއޫލިއްޔަތުތައް
(ހ) ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރާ ކަންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކުރާން ވާނެއެވެ.
(ށ) އެއްވެސް ސަބަބަކާހުރެ ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ވަގުތީގޮތުން އުޒުރުވެރިވެއްޖެނަމަ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް އަދާކުރާނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.
118 ވަނަ މާއްދާ - މުސާރައާއި އިނާޔަތްތައް
ރައީސުލްޖުމްހޫރިއްޔާއަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް މުސާރައާއި އެހެނިހެން އިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.
119 ވަނަ މާއްދާ - ކޮށްގެން ނުވާނޭ ކަންތައްތައް
(ހ) ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަ މީހަކު އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބަކަށް ހުންނަ މީހަކު ސަރުކާރުގެ އެހެން މަގާމެއް، އަދި ފައިދާއެއް ލިބޭފަދަ އެނޫންވެސް މަގާމެއް ފުރައިގެނެއް ނުވާނެއެވެ. އަދި ވިޔަފާރިއެއް ހިންގުމުގައި އަމަލީގޮތުން ބައިވެރިވެ، އާމްދަނީއެއް ހޯދުމަށް ފަންނީ މަސައްކަތްތަކެއްގައި ށާމިލުވެ، އާމްދާނީއެއް ލިބޭފަދަ އެހެން އެއްވެސް މަސައްކަތެއްކޮށް، އެހެން އެއްވެސް ފަރާތެއްގެ ވަޒީފާއެއް އަދާކޮށްގެނެއް ނުވާނެއެވެ. ދައުލަތުގެ މުދަލާއި ބިން ގަނެ ނުވަތަ ކުއްޔަށް ހިފައިގެނެއް ނުވާނެއެވެ. އަދި ދައުލަތާއި އެހެން އެއްވެސް ފަރާތަކާ ދެމެދު ކުރެވޭ މުއާމަލާތެއްގައި ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަ މީހެއްގެ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބަކަށް ހުންނަ މީހެއްގެ މާލީ އެއްވެސް މަސްލަހަތެއް ބާއްވައިގެނެއް ނުވާނެއެވެ.
(ށ) ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ނުވަތަ ރައީސުލްޖުމްހޫރިއްޔާ އައްޔަންކޮށްފައިވާ ނުވަތަ ވަޒީފާދީފައިވާ މީހަކު އެ މީހެއްގެ މަގާމް، ނުވަތަ މަގާމުގެ ހައިސިއްޔަތުން ލިބޭ މައުލޫމާތު، ނާޖާއިޒު ގޮތެއްގައި އަމިއްލަ ފައިދާއަށް ނުވަތަ އެހެން މީހެއްގެ ފައިދާއަށް ވިޔަސް ބޭނުންކޮށްގެނެއް ނުވާނެއެވެ.
120 ވަނަ މާއްދާ – މުދަލާއި ފައިސާގެ ބަޔާން ހާމަކުރުން
ކޮންމެ އަހަރަކުމެ، ރައީސުލްޖުމްހޫރިއްޔާ، އޭނާގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތުތަކާއި، އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް އޮޑިޓަރ ޖެނެރަލަށް ހުށަހަޅާންވާނެއެވެ.
121 ވަނަ މާއްދާ – އިސްތިއުފާދިނުން
(ހ) ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހަޅައި، އެ ސިޓީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިބުމުން ރައީސުލްޖުމްހޫރިއްޔާ އެ މަގާމުން ވަކިވީއެވެ.
(ށ) ރައީސުލްޖުމްހޫރިއްޔާގެ ނައިބު އޭނާގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެ މަގާމުން ވަކިވީއެވެ.
122 ވަނަ މާއްދާ – ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމް ހުސްވުން
ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަރުވެގެން، ނުވަތަ އިސްތިއުފާދީގެން ނުވަތަ މަގާމުން ދުރުކޮށްގެން ނުވަތަ އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އޭނާއަށް އަދާނުކުރެވޭ ފަދަ ދާއިމީ ހާލަތެއް މެދުވެރިވެގެން، ނުވަތަ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވުމުގެ ސަބަބުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަގާމް ހުސްވެއްޖެ ނަމަ، ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މުއްދަތުގެ ބާކީ އޮތް ދުވަސްތަކުގައި އެ މަގާމް ފުރާނޭ މީހަކު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާންވާނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މީހެއްގެ ނަން ރައްޔިތުންގެ މަޖިލީހުން ފާސްކުރާންވާނެއެވެ.
123 ވަނަ މާއްދާ – ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ވަގުތީގޮތުން އުޒުރުވެރިވުން
(ހ) ރައީސުލްޖުމްހޫރިއްޔާއަށް އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ވަގުތީގޮތުން އުޒުރުވެރިވެއްޖެ ކަމަށް ގަބޫލުކުރެވިއްޖެނަމަ، ސަބަބު ބަޔާންކޮށް އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހަވާލުކުރާންވާނެއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އަލުން ހަވާލުވާންވާނީ އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށްފަހުގައެވެ.
(ށ) ރައީސުލްޖުމްހޫރިއްޔާއަށް އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ވަގުތީގޮތުން އަދާ ނުކުރެވޭފަދަ އުޒުރެއް ދިމާވާ ވަގުތު އެ އުޒުރުގެ ބާވަތުން އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެންގެން ނެތް ހިނދެއްގައި، އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އަންގާނީ ވަޒީރުންގެ މަޖިލީހުގެ އަގުލަބިއްޔަތުގެ ތާއީދާއެކު، ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ. މިފަދަ ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި، ރައީސުލްޖުމްހޫރިއްޔާއަށް އޭނާގެ މަގާމާ އަލުން ހަވާލުވެވެންދެން، އެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރާނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އަލުން ހަވާލުވާންވާނީ އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށްފަހުގައެވެ.
124 ވަނަ މާއްދާ – ވާޖިބުތައް އަދާނުކުރެވޭ ފަދަ ހާލަތެއް ވަގުތީގޮތުން މެދުވެރިވުން
(ހ) ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ރައީސުލްޖުމްހޫރިއްޔާކަމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާނުކުރެވޭ ފަދަ ހާލަތެއް ވަގުތީގޮތުން މެދުވެރިވެއްޖެނަމަ، ރައީސުލްޖުމްހޫރިއްޔާއަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް މަސައްކަތާ އަލުން ހަވާލުވެވެންދެން ވަގުތީގޮތުން އެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ހަވާލުވާނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެކަމާ ހަވާލުވެވެން ނެތްނަމަ އެކަމާ ހަވާލުވާނީ ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސަށް އެކަމާ ހަވާލުވެވެން ނެތްނަމަ އެކަމާ ހަވާލުވާނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރަކުން ހޮވާ އެ މަޖިލީހުގެ މެންބަރެކެވެ.
ވާޖިބުތައް އަދާނުކުރެވޭ ފަދަ ހާލަތެއް ދާއިމީގޮތުން މެދުވެރިވުން
(ށ) ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް، ރައީސުލްޖުމްހޫރިއްޔާކަމުގެ ވާޖިބުތައް އަދާކުރާން ހުރަސްއެޅޭފަދަ ދާއިމީ ހާލަތެއް ކުރިމަތިވެގެން ނުވަތަ މަގާމުން އިސްތިއުފާދީގެން ނުވަތަ މަގާމުން ދުރުކުރުމުގެ ސަބަބުން ނުވަތަ މަރުވެގެން އެ ދެ މަގާމް އެއްފަހަރާ ހުސްވެއްޖެނަމަ، ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަގާމަށް އަލުން މީހުން އިންތިހާބުކުރެވެންދެން އެ ދެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ވަގުތީގޮތުން އަދާކުރާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެކަމާ ހަވާލުވެވެން ނެތްނަމަ އެކަމާ ހަވާލުވާނީ ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސަށް އެކަމާ ހަވާލުވެވެން ނެތްނަމަ އެކަމާ ހަވާލުވާނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރަކުން ހޮވާ އެ މަޖިލީހުގެ މެންބަރެކެވެ.
ވަގުތީގޮތުން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވާ މީހެއްގެ ށަރުތު
(ނ) ވަގުތީގޮތުން ވިޔަސް ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާ ހަވާލުވެވޭނީ، ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އިންތިހާބުކުރެވޭ މީހެއްގައި ހުންނާންވާނޭކަމަށް މި ގާނޫނުއަސާސީ ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ މީހަކަށެވެ.
125 ވަނަ މާއްދާ – ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމް ހުސްވުމާ ގުޅިގެން އާ ރިޔާސީ އިންތިހާބެއް ބޭއްވުން
(ހ) މި ގާނޫނުއަސާސީ ގެ 124 ވަނަ މާއްދާގެ (ށ) ގައިވާ ފަދަ އެއްވެސް ހާލަތެއް މެދުވެރިވެގެން ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމް އެއްފަހަރާ ހުސްވެއްޖެނަމަ، އެ ދެމަގާމް ހުސްވި ތާރީހުން ފެށިގެން ފަސްދޮޅަސް ދުވަހުގެ ތެރޭގައި ރިޔާސީ އިންތިހާބެއް ބާއްވައި، އެ ދެމަގާމަށް މީހުން ހަމަޖައްސާންވާނެއެވެ.
(ށ) ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް އިންތިހާބުކުރާ ދެމީހުންނަށް މެ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުނުވެވޭ ފަދަ ދާއިމީ ހާލަތެއް އެއްވެސް ސަބަބަކާހުރެ މެދުވެރިވެއްޖެނަމަ، އެ ހާލަތު މެދުވެރިވާ ދުވަހުން ފެށިގެން ފަސްދޮޅަސް ދުވަހުގެ ތެރޭގައި ރިޔާސީ އިންތިހާބެއް ބާއްވައި، އެ ދެމަގާމަށް މީހުން ހަމަޖައްސާން ވާނެއެވެ.
(ނ) އެއްވެސް ސަބަބެއް މެދުވެރިވެގެން ހިނގަމުންދާ ރިޔާސީ ދައުރެއްގެ ތެރޭގައި އަލުން ރިޔާސީ އިންތިހާބެއް ބާއްވާންޖެހިގެން އިންތިހާބެއް ބާއްވައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް އަލުން އިންތިހާބުވި މީހުން މަގާމުގައި ދެމި ތިބޭނީ ބުނެވިދިޔަ ރިޔާސީ ދައުރުގެ ބާކީ އޮންނަ މުއްދަތަށެވެ. އަދި މި ގާނޫނުއަސާސީ ގެ 107 ވަނަ މާއްދާގެ ބޭނުމަށް އެމީހުންނާމެދު އަމަލު ކުރާނީ އެ މާއްދާގެ (ށ) ގައިވާ ގޮތުގެމަތީންނެވެ.
126 ވަނަ މާއްދާ – ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމް ވަގުތީގޮތުން އަދާކުރާ މީހުން ހުވައިކުރުން
ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރާ ކޮންމެ މީހަކުމެ، މަގާމާ ހަވާލުވުމުގެކުރީން އުއްތަމަފަނޑިޔާރުގެ ނުވަތަ އުއްތަމަފަނޑިޔާރު އެކަމަށް ކަނޑައަޅާ ފަނޑިޔާރެއްގެ ކުރިމަތީގައި މި ގާނޫނުއަސާސީގެ ޖަދުވަލު 1 ގައިވާ އެމީހެއްގެ މަގާމުގެ ހުވައިކޮށް އެ ހުވައިގެ އިގްރާރުގައި ސޮއިކުރާންވާނެއެވެ.
127 ވަނަ މާއްދާ – ކުށުގެ ޒިންމާ އުފުލުން
ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުގައި ހުރެގެން ނުވަތަ އޭގެ ކުރީން ނަމަވެސް ޖިނާއީ ކުށެއް ކުރިކަމުގެ ތުހުމަތު އޭނާއާ މެދު ކުރެވިއްޖެނަމަ، އެކަމަކަށް އޭނާ ޖަވާބުދާރީވާން ވާނެއެވެ. އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާ އާ މެދު އެފަދަ ދައުވާއެއް ކުރާން ޖެހިއްޖެ ހާލަތެއްގައި، ހިނގަމުންދާ ރައީސުލްޖުމްހޫރިއްޔާކަމުގެ ދައުރު ހަމަވާންދެން އެދައުވާއެއް ފަސްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފެންނަނަމަ، އެކަން ބަޔާންކޮށް އެމަޖިލީހުން ފާސްކުރާ ގަރާރަކުން އެ ދައުވާއެއް ކުރުން ފަސްކުރެވިދާނެއެވެ.
128 ވަނަ މާއްދާ – ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތް
ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުރި މީހަކު، ކުށްވެރިނުވެ ގާނޫނީ ހަމަތަކުގެ މަތީން އެ މަގާމުން ވަކިވެއްޖެނަމަ، ދައުލަތުގެ އެންމެ މަތީ ވެރިކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ އިއްޒަތާއި ގަދަރާއި އެކަށީގެންވާ ފަދަ ރައްކާތެރިކަމާއި މާލީ އިނާޔަތާއި އެހެނިހެން އިނާޔަތްތައް އެ މީހަކަށް ހައްގުވާނެއެވެ. މިގޮތުން ދެވޭ ރައްކާތެރިކަމާއި އިނާޔަތްތައް ގާނޫނުގައި ބަޔާންކުރާންވާނެއެވެ.
ފަސްވަނަ ބާބު
ވަޒީރުންގެ މަޖިލިސް
129 ވަނަ މާއްދާ - ވަޒީރުންގެ މަޖިލިސް
(ހ) ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރާ ކަންތައްތަކާއި މި ގާނޫނުއަސާސީންނާއި ގާނޫނުން ހަވާލުކުރެވޭ ކަންތައްތައް ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ވަޒީރުންގެ މަޖިލީހެއް އޮންނާންވާނެއެވެ.
(ށ) ވަޒީރުންގެ މަޖިލިސް އެކުލެވިގެންވަނީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، އެކިއެކި ވުޒާރާތައް ހިންގުމާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރާ ވަޒީރުންނާއި، ބަންޑާރަނައިބުގެ މައްޗަށެވެ.
(ނ) ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފިޔަވައި، ވަޒީރުންގެ މަޖިލީހަށް އައްޔަންކުރާ އެހެން މެންބަރުން އެ މަޖިލީހަށް އައްޔަންކުރުމަށްފަހު ރައްޔިތުންގެމަޖިލީހުގެ ރުހުން ހޯދާންވާނެއެވެ.
(ރ) ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މީހުންގެ ނަންތައް، އެމީހުން އައްޔަންކުރެވޭ ދުވަހުން ފެށިގެން ހަތް ދުވަހުގެތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި އެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާންވާނެއެވެ.
130 ވަނަ މާއްދާ – ވަޒީރުންގައި ހުރުން ލާޒިމް ށަރުތުތައް
(ހ) ވަޒީރުންގެ މަޖިލީހުގެ މެންބަރުންގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.
- ދިވެހި ރައްޔިތަކަށްވުން.
- ބޭރު ގައުމެއްގެ ރައްޔިތަކަށްނުވުން.
- މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާއަތުގެ މީހަކު ކަމުގައިވުން.
- އުމުރުން ފަންސަވީސް އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.
- ބުއްދިހަމައަށްހުރި މީހަކު ކަމުގައިވުން.
(ށ) އަންނަނިވި ހާލަތްތަކުންކުރެ ހާލަތެއްގައިވާ މީހަކަށް ވަޒީރުންގެ މަޖިލީހުގެ މެންބަރަކަށް ނުވެވޭނެއެވެ. އަދި ވަޒީރުންގެ މަޖިލީހުގެ މެންބަރަކަށް އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެ މީހަކު ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެއެވެ.
- ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންނުދާ މީހަކު ކަމުގައިވުން.
- ޖިނާއީ ކުށެއްކުރިކަން ސާބިތުވެގެން ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކުނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ތިން އަހަރުނުވާ މީހަކު ކަމުގައިވުން.
131 ވަނަ މާއްދާ – ހުވައިކުރުން
ވަޒީރުންގެ މަޖިލީހުގެ މެންބަރުން އެ މީހުންގެ މަގާމާ ހަވާލުވާންވާނީ އުއްތަމަފަނޑިޔާރު ނުވަތަ އުއްތަމަފަނޑިޔާރު އެކަމަށް ކަނޑައަޅާ ފަނޑިޔާރެއްގެ ކުރިމަތީގައި، މި ގާނޫނުއަސާސީ ގެ ޖަދުވަލު 1 ގައިވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިކޮށް، އެ ހުވައިގެ އިގްރާރުގައި ސޮއިކުރުމަށްފަހުގައެވެ.
132 ވަނަ މާއްދާ – ވަޒީރުންގެ މަޖިލީހުގެ މަސްއޫލިއްޔަތުތައް
ވަޒީރުންގެ މަޖިލީހުގެ ކޮންމެ މެންބަރަކުމެ ގާނޫނުއަސާސީ އާއި ގާނޫނަށް ތަބާވެ، ރައީސުލްޖުމްހޫރިއްޔާ އެ މީހަކާ ހަވާލުކުރާ އެންމެހައި މަސްއޫލިއްޔަތުތައް އިހްލާސްތެރިކަމާއި ތެދުވެރިކަމާއެކު އަދާކުރާންވާނެއެވެ. މީގެތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
(ހ) ދައުލަތް ހިންގުމުގެ އާންމު ސިޔާސަތުތައް ކަނޑައެޅުމުގައި ރައީސުލްޖުމްހޫރިއްޔާއަށް މަށްވަރާދިނުމާއި، އެހީތެރިވެދިނުމާއި، ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތްވާ ގޮތުގެމަތީން، ސަރުކާރު ހިންގުމުގެ ހުރިހައި ދާއިރާތަކެއްގައި ވެސް އެ ސިޔާސަތުތައް ތަންފީޒުކޮށް، ހިނގާނުހިނގާގޮތް ބެލުން.
(ށ) ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ސަރުކާރުން ހުށަހަޅާންވީ ބިލުތަކާއި އެނޫންވެސް ހުށަހެޅުންތައް ތައްޔާރުކުރުމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފަޔާއި މަށްވަރާދިނުން.
(ނ) ސަރުކާރުގެ މަސައްކަތްތައް ހިންގުމާއި، އެ މަސައްކަތްތައް މުރާޖައާކުރުމާއި، ވިލަރެސްކުރުން.
(ރ) އެ މީހެއްގެ މަސްއޫލިއްޔަތުގެ ދާއިރާއާ ގުޅޭ ގޮތުން، އޮމާންކަމާއެކު ކަންތައްތައް ހިންގުމަށް ސަރުކާރާއި ދައުލަތުގެ އެހެން ބާރުތަކާމެދު ބާއްވާންޖެހޭ ގުޅުންތައް ބާއްވައި އެ ގުޅުންތައް ދެމެހެއްޓުން.
(ބ) އެ މީހެއްގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ދައުލަތުގެ އެންމެހައި މުދަލާއި ފައިސާ ހެޔޮގޮތުގައި ފަރުވާތެރިކަމާއެކު ބެލެހެއްޓުން.
(ޅ) ގައުމީ އަދި ބައިނަލްއަގްވާމީ ކަންތައްތަކުގައި ސަރުކާރުގެ ސިޔާސަތު އެކަށައެޅުމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުމާއި، ސިޔާސީ، އިގްތިސާދީ އަދި އިޖްތިމާއީ ގޮތުން ރާއްޖެ ތަރައްގީ ކުރުމަށްޓަކައި ކުރާންޖެހޭ ކަންކަން މުރާޖައާކޮށް ވިލަރެސްކުރުން.
(ކ) ގާނޫނުގެ ވެރިކަން ހިމާޔަތްކޮށް ކުރިއެރުވުމާއި، ރައްޔިތުންގެ ސަލާމަތްތެރިކަން ދަމަހައްޓައި ރައްޔިތުންގެ އާންމު ފައިދާ ރައްކާތެރިކުރުމަށް މަސައްކަތްކުރުން.
(އ) ގާނޫނުއަސާސީ އާއި ގާނޫނުން ކަނޑައަޅާ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.
133 ވަނަ މާއްދާ – ބަންޑާރަނައިބު
(ހ) ރައީސުލްޖުމްހޫރިއްޔާ އިސްކުރާ ބަންޑާރަނައިބަކު ހުންނާންވާނެއެވެ. ބަންޑާރަނައިބުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އިސްކުރާ މީހަކީ ގާނޫނުގެ ދާއިރާއިން ފާހަގަކޮށްލެވޭފަދަ ތައުލީމާއި ތަޖްރިބާހުރި، ވަޒީރުންގެ މަޖިލީހަށް އައްޔަންކުރުމުގެ ށަރުތު ހަމަވާ މީހަކުކަމުގައި ވާންވާނެއެވެ. ބަންޑާރަނައިބަކީ ސަރުކާރަށް ގާނޫނީ ލަފަޔާއި މަށްވަރާދޭ މީހާއެވެ.
(ށ) ދައުލަތާ ގުޅުންހުރި ގާނޫނީ އެންމެހައި ކަންކަމުގައި ސަރުކާރަށް ލަފާދިނުމާއި، ބަންޑާރަނައިބުގެ އޮފީހުން އަދާކުރުމަށް ހަމަޖެހިފައިވާ ގާނޫނީ އެންމެހައި ވާޖިބުތަކާއި ގާނޫނުއަސާސީންނާއި ގާނޫނުން އޭނާ އަދާކުރުމަށް ކަނޑައަޅާ އެންމެހައި މަސްއޫލިއްޔަތުތައް އަދާކުރުމަކީ ބަންޑާރަނައިބުގެ ވާޖިބުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
(ނ) ދިވެހިރާއްޖޭގެ އެންމެހައި ކޯޓުތަކަށް ހާޒިރުވެ ވާހަކަދެއްކުމުގެ ހައްގު ބަންޑާރަނައިބަށް ލިބިގެންވެއެވެ. އަދި މި ގާނޫނުއަސާސީ ގައި ޕްރޮސިކިއުޓަރ ޖެނެރަލް ގެ މަސްއޫލިއްޔަތު ކަމުގައި ކަނޑައަޅައިފައިވާ ކަންކަން ފިޔަވައި އެހެން ކަންކަމުގައި ކޯޓުތަކުގައި ދައުލަތް ތަމްސީލުކުރާނީ ބަންޑާރަނައިބު، ނުވަތަ އޭނާ ކަނޑައަޅާ މީހެކެވެ.
(ރ) މަދަނީ މައްސަލަތަކުގެ ތެރެއިން ސަރުކާރު ށާމިލްނުވާ މައްސަލަތަކުގައި ވެސް، ދައުލަތުގެ މަސްލަހަތެއް ނުވަތަ އާންމު މަސްލަހަތެއް ހިމެނޭކަމަށް ބަންޑާރަނައިބަށް ފެނިއްޖެ ކޮންމެ މައްސަލައެއްގައި ކޯޓުގެ ހުއްދައާއެކު، އެ މައްސަލައެއް ހިނގާއިރު ބަންޑާރަނައިބަށް ކޯޓަށް ހާޒިރުވެ ވާހަކަދެއްކިދާނެއެވެ.
(ބ) ގާނޫނުގެ ވެރިކަން ނަގަހައްޓައި، ހިމާޔަތްކޮށް ކުރިއެރުވުމަށާއި ރައްޔިތުންގެ ސަލާމަތާއި، ރައްޔިތުންގެ މަންފާއާއި، އާންމު މިނިވަންކަން ދިފާއުކުރުމަށް ބަންޑާރާނައިބު މަސައްކަތްކުރާންވާނެއެވެ.
(ޅ) ބަންޑާރަނައިބުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާ ކުރުމުގައި އޭނާ ތަބާވާނީ ހަމައެކަނި ގާނޫނުއަސާސީ އަށާއި ގާނޫނަށެވެ. އެއިންކަމެއްގައި އިތުރު އެއްވެސް މީހެއްގެ ނުވަތަ އިދާރާއެއްގެ ބާރެއް ނުވަތަ ނުފޫޒެއް އޭނާގެ މައްޗަކަށް ނުހިންގޭނެއެވެ.
(ކ) ޖިނާއީ މައްސަލަތަކުގައި އަމަލުކުރާނޭ މައިގަނޑު ސިޔާސަތުތައް ކަނޑައަޅައި އެ ސިޔާސަތުތައް ޕްރޮސިކިއުޓަރ ޖެނެރަލަށް އެންގުމުގެ ބާރު ބަންޑާރަނައިބަށް ލިބިގެންވެއެވެ.
134 ވަނަ މާއްދާ – ވަޒީރުންގެ މަޖިލިސް ޖަވާބުދާރީވުން
(ހ) ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާ ހަވާލުކުރެވޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ހެޔޮގޮތުގައި އަދާކުރުމުގައި ވަކިވަކި މެންބަރުންނާއި މުޅި ވަޒީރުންގެ މަޖިލިސް ރައީސުލްޖުމްހޫރިއްޔާއަށް ޖަވާބުދާރީވުމުގެ އިތުރަށް، ގާނޫނުއަސާސީ ގައި ކަނޑައެޅިފައިވާ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާންވާނެއެވެ.
(ށ) ވަޒީރުންގެ މަޖިލީހުގެ ކޮންމެ މެންބަރަކުމެ، އެ މީހެއްގެ އިހްތިސާސްގައިވާ އެންމެހައި ކަންތައްތަކާ ގުޅޭގޮތުން، ސައްހަ މައުލޫމާތު، ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅަމުން ގެންދާންވާނެއެވެ. އަދި އެ މެންބަރެއްގެ އިހްތިސާސްގައިވާ އެންމެހައި ކަންތައްތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ބޭނުންވެއްޖެ ކޮންމެ މައުލޫމާތެއް އެ މަޖިލީހަށް ދޭންވާނެއެވެ.
135 ވަނަ މާއްދާ - މުސާރައާއި އިނާޔަތްތައް
ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.
136 ވަނަ މާއްދާ – ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ކޮށްގެންނުވާނޭ ކަންތައްތައް
(ހ) ވަޒީރުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު ސަރުކާރުގެ އެހެން މަގާމެއް، އަދި ފައިދާއެއް ލިބޭފަދަ އެނޫންވެސް މަގާމެއް ފުރައިގެނެއް ނުވާނެއެވެ. އަދި ވިޔަފާރިއެއް ހިންގުމުގައި އަމަލީގޮތުން ބައިވެރިވެ، އާމްދަނީއެއް ހޯދުމަށް ފަންނީ މަސައްކަތެއްގައި ށާމިލުވެ، އާމްދަނީއެއް ލިބޭފަދަ އެހެން އެއްވެސް މަސައްކަތެއްކޮށް، އެހެން އެއްވެސް ފަރާތެއްގެ ވަޒީފާއެއް އަދާކޮށްގެނެއް ނުވާނެއެވެ. ދައުލަތުގެ މުދަލާއި ބިން ގަނެ ނުވަތަ ކުއްޔަށް ހިފައިގެނެއް ނުވާނެއެވެ. އަދި ދައުލަތާއި އެހެން އެއްވެސް ފަރާތަކާ ދެމެދު ކުރެވޭ މުއާމަލާތެއްގައި ވަޒީރުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު އެ މެންބަރެއްގެ މާލީ އެއްވެސް މަސްލަހަތެއް ބާއްވައިގެނެއް ނުވާނެއެވެ.
(ށ) ވަޒީރުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު، މަގާމުގެ ހައިސިއްޔަތުން އެއިން މީހަކަށް ލިބިފައިވާ މައުލޫމާތެއްގެ ނުވަތަ އެ މީހަކު އަދާކުރާ ވަޒީފާގެ ބޭނުން އަމިއްލައަށް ނާޖާއިޒް މަންފާއެއް ހާސިލްކުރުމަށް ނުވަތަ އެހެން މީހަކަށް އެފަދަ މަންފާއެއް ހޯދައިދިނުމަށް ބޭނުންކޮށްގެނެއް ނުވާނެއެވެ.
137 ވަނަ މާއްދާ - މަގާމުން ވަކިކުރުން
(ހ) ވަޒީރުންގެ މަޖިލީހުގެ މެންބަރަކު، މަގާމުން ވަކިކުރާން ރައީސުލްޖުމްހޫރިއްޔާއަށް ފެނިއްޖެ ހިނދެއްގައި، އެކަން ބަޔާންކޮށް
އެ މެންބަރަކަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވާ ލިއުމަކުން، އެ މެންބަރަކު މަގާމުން ވަކިކުރެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) އެހެންއޮތްކަމުގައި ވިޔަސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެނެއް ނުވެއެވެ.
138 ވަނަ މާއްދާ – މުދަލާއި ފައިސާގެ ބަޔާން ހާމަކުރުން
ވަޒީރުންގެ މަޖިލީހުގެ ކޮންމެ މެންބަރަކުމެ، ކޮންމެ އަހަރަކު އެއްފަހަރު އެ މެންބަރެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް އޮޑިޓަރ ޖެނެރަލަށް ހުށަހަޅާންވާނެއެވެ.
139 ވަނަ މާއްދާ - މަގާމުން އިސްތިއުފާ ދިނުން
ވަޒީރުންގެ މަޖިލީހުގެ މެންބަރަކު އޭނާގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން އެ މެންބަރަކު މަގާމުން ވަކިވީއެވެ.
140 ވަނަ މާއްދާ – ސަރުކާރުގެ ކޮންމެ އިދާރާއަކާ މަސްއޫލުވާނެ ވަޒީރަކު ހުރުން
މި ގާނޫނުއަސާސީ ގައި ބަޔާންކޮށްފައިވާ މުސްތަގިއްލު މުއައްސަސާތަކާއި، ގާނޫނަކުން އުފައްދާ މުސްތަގިއްލު އެހެން މުއައްސަސާތައް ފިޔަވައި، ސަރުކާރުން ނުވަތަ ރައްޔިތުންގެ މަޖިލީހުން ގާއިމްކުރާ ކޮންމެ އިދާރާއަކާއި ކޮންމެ މުއައްސަސާއަކާ މަސްއޫލުވާނޭ ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ހުންނާންވާނެއެވެ. ވަޒީރުންގެ މަޖިލީހުގެ ކޮންމެ މެންބަރަކުމެ އެ މެންބަރަކާ ހަވާލުކުރެވޭ ކޮންމެ އިދާރާއެއްގެ ނުވަތަ ކޮންމެ މުއައްސަސާއެއްގެ ހިންގުމަށް ޒިންމާ އުފުލައި ޖަވާބުދާރީ ވާންވާނެއެވެ.
ހަވަނަ ބާބު
އަދުލު އިންސާފު ގާއިމްކުރުމުގެ ބާރު
141 ވަނަ މާއްދާ – އަދުލު އިންސާފު ގާއިމްކުރުމުގެ ބާރު
(ހ) އަދުލު އިންސާފު ގާއިމްކުރުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ސުޕްރީމްކޯޓަށާއި، ހައިކޯޓަށާއި، އަދި ގާނޫނަކުން ކަނޑައަޅައިފައިވާ ދަށުކޯޓު ތަކަށެވެ.
(ށ) އަދުލު އިންސާފު ގާއިމްކުރުމުގެ އެންމެ އިސް ފަރާތަކީ ސުޕްރީމްކޯޓެވެ. ސުޕްރީމްކޯޓުގެ އެންމެ އިސް ފަރާތަކީ އުއްތަމަ ފަނޑިޔާރެވެ. ސުޕްރީމްކޯޓުން ބަލާ ކޮންމެ މައްސަލައެއް ނިންމާންވާނީ އެ މައްސަލައެއް ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އަގުލަބިއްޔަތުންނެވެ.
(ނ) އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައި ހަދައިގެނެއް ނުވާނެއެވެ.
(ރ) ކޯޓުތަކުގެ މިނިވަންކަން ރައްކާތެރިކުރުމަށާއި، ކޯޓުތަކުގެ ހައިބަތާއި ގަދަރު ހިމާޔަތްކޮށްދީ، އެތަންތަނަކީ ކޮންމެ މީހަކަށްމެ ފަސޭހައިން މައްސަލަ ހުށަހެޅޭ، ވަކިފަރާތަކަށް ނުޖެހި، ހަރުދަނާގޮތެއްގައި މަސައްކަތްކުރާ ތަންތަން ކަމަށް ހެދުމަށްޓަކައި، ގާނޫނާއި ގަވާއިދުތަކުގެ ޒަރީއާއިންނާއި އެހެނިހެން ގޮތްގޮތުންވެސް ދައުލަތުގެ އިދާރާތަކުންނާއި ދައުލަތުގެ ކަންތައްތައް ހިންގުމާ ހަވާލުވެތިބި އެންމެހައި މީހުން ކޯޓުތަކަށް އެހީތެރިވާންވާނެއެވެ.
142 ވަނަ މާއްދާ - ގާނޫނާ އެއްގޮތަށް ކަންކުރުން
ފަނޑިޔާރުންނަކީ މުސްތަގިއްލު ބައެކެވެ. ފަނޑިޔާރުން އަމަލުކުރާނީ ގާނޫނުއަސާސީ އާއި ގާނޫނަށެވެ. ގާނޫނުއަސާސީ އާއި ގާނޫނުގައި ވަކިގޮތަކަށް ކަނޑައަޅައިފައި ނުވާ ކަންކަން ނިންމުމުގައި އިސްލާމީށަރީއަތުގައި އެކަމެއް ކަނޑައެޅިފައިވާ ގޮތަށް ފަނޑިޔާރުން ރިއާޔަތް ކުރާންވާނެއެވެ. ފަނޑިޔާރުންގެ މަސައްކަތުގައި ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތަށް ކަންތައްތައް ނިންމާންވާނީ ވަކިފަރާތަކަށް ބުރަނުވެ، ވަކިފަރާތަކުން ދައްކައިފާނެ ބިރަކަށް ޖެހިލުންނުވެ، ތައައްސުބުން އެއްކިބާވެ ތިބެއެވެ.
143 ވަނަ މާއްދާ - ކޯޓުތަކުގެ އިހްތިސާސް
(ހ) ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއް ނުވަތަ ގާނޫނަކުން ބައެއް ވިޔަސް ގާނޫނުއަސާސީ އާ ހިލާފުވޭތޯ ބެލުމާއި، އެފަދަ މައްސަލަތަކުގައި ގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ ހައިކޯޓަށާއި ސުޕްރީމްކޯޓަށެވެ.
(ށ) ކޮންމެ ކޯޓެއްގައިވިޔަސް، ބަލަމުންދާ މައްސަލައެއްގައި ގާނޫނުއަސާސީ މާނަކުރާން ޖެހިއްޖެނަމަ އެ މައްސަލައަކާ ގުޅޭގޮތުން އެ ކޯޓަކުން ގާނޫނުއަސާސީ މާނަކުރުމަކީ މި މާއްދާގެ (ހ) އާ ތައާރުޒްވާކަމެއް ނޫނެވެ.
(ނ) ކޮންމެ ކޯޓަކަށްމެ އެ ކޯޓެއް ހިމެނޭ މަރުހަލާއަށްވުރެ ދަށު މަރުހަލާއެއްގެ ކޯޓަކުން ނިންމާ ނިންމުން ބަދަލުކުރުމުގެ ބާރު ލިބިގެންވެއެވެ.
(ރ) މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުހަލާގެ ކޯޓުތަކުން ތަބާވާންވާނެއެވެ.
144 ވަނަ މާއްދާ – ދުސްތޫރީ މައްސަލަތައް ނިންމުމުގެ ބާރު
ދުސްތޫރީ މައްސަލައެއް ބެލުމުގައި ކޮންމެ ކޯޓަކަށްމެ، އަންނަނިވި ކަންތައްތަކުގެ ތެރެއިން އެ ކޯޓެއްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކަންތައްތައް ކުރުމުގެ ބާރު އެ ކޯޓަކަށް ލިބިގެންވެއެވެ.
(ހ) ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ނުވަތަ ގަވާއިދެއް ނުވަތަ ގަވާއިދެއްގެ ބައެއް އަދި ކިއެއްތަ ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރެއް ނުވަތަ އެއިން އިދާރާއެއްގެ މުވައްޒަފަކު ކުރާ ކަމެއް ނުވަތަ ނިންމައިފައިވާ ނިންމުމެއް ވިޔަސް ގާނޫނުއަސާސީ އާ ހިލާފުވާނަމަ އެ ހިލާފުވާ މިންވަރު އެއީ ބާތިލް އެއްޗެއް ނުވަތަ ބާތިލް ކަމެއް ކަމުގައި ކަނޑައެޅުން.
(ށ) މި މާއްދާގެ (ހ) ގައިވާ ފަދަ ނިންމުމަކާ ގުޅިގެން އަދުލުވެރި އެހެނިހެން އަމުރުތައް ނެރުން. މީގެތެރޭގައި އަންނަނިވި ކަންތައްތައް ވެސް ހިމެނެއެވެ.
- ގާނޫނުއަސާސީ އާ ތައާރުޒްވާ ގާނޫނެއް ނުވަތަ ގަވާއިދެއްގެ ސަބަބުން ނުވަތަ ގާނޫނުއަސާސީ އާ ހިލާފަށް ކޮށްފައިވާ ކަމެއްގެ ސަބަބުން މީހަކަށް ނުވަތަ ބަޔަކަށް ގެއްލުމެއް ލިބިފައިވާނަމަ އެ ގެއްލުމުގެ އަދުލުވެރި އިންސާފުވެރި ބަދަލު ލިބިދިނުމަށްޓަކައި އަމުރުތައް ނެރުން.
- ގާނޫނުއަސާސީ އާ ތައާރުޒްވާކަމަށް ކޯޓުން ނިންމައިފައިވާ ގާނޫނެއް ނުވަތަ ގަވާއިދެއް ނުވަތަ ގާނޫނުއަސާސީ އާ ހިލާފުވާކަމަށް ކޯޓުން ނިންމައިފައިވާ ކަމެއް އިސްލާހުކުރާންޖެހޭ އިދާރާއަކުން އެކަންކުރުމަށް ފުރުސަތު ދިނުމަށްޓަކައި ކޯޓުން ކަނޑައަޅާ ށަރުތުތަކެއްގެ މަތީން ވަކި މުއްދަތަކަށް ކޯޓުގެ އެ ނިންމުމަށް އަމަލުކުރުން ލަސްކުރުމުގެ އަމުރެއް ނެރުން.
(ނ) ގާނޫނުއަސާސީ އާ ތައާރުޒްވުމުގެ ސަބަބުން ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ނުވަތަ ގަވާއިދެއް ނުވަތަ ގަވާއިދެއްގެ ބައެއް ނުވަތަ ދައުލަތުގެ އިދާރާއަކުން ނެރުނު އަމުރެއް ނުވަތަ އެއިން އިދާރާއެއްގެ މުވައްޒަފަކު ކުރި ކަމެއް ނުވަތަ ނިންމި ނިންމުމެއް ބާތިލްކަމަށް ނިންމައިފައިވާ ނިންމުމެއްގެ ސަބަބުން އޭގެ ކުރީން ހިނގައިފައިވާ އެއްވެސް ކަމެއް ބާތިލް ނުވާނެކަމުގައި ކަނޑައެޅުން.
145 ވަނަ މާއްދާ – ސުޕްރީމްކޯޓު
(ހ) ސުޕްރީމްކޯޓު އެކުލެވިގެންވާނީ އުއްތަމަފަނޑިޔާރާއި ގާނޫނުގައި ކަނޑައަޅާ އަދަދެއްގެ ފަނޑިޔާރުންގެ މައްޗަށެވެ. ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ ޖުމްލަ އަދަދު ވާންވާނީ އޮނަހިރި އަދަދަކަށެވެ.
(ށ) ސުޕްރީމްކޯޓުން މައްސަލަތައް ބަލައި ނިންމާންވާނީ އޮނަހިރި އަދަދެއްގެ މައްޗަށް އެކުލެވޭ ފަނޑިޔާރުންގެ މަޖިލީހަކުންނެވެ.
(ނ) ގާނޫނުއަސާސީ އާއި ގާނޫނު މާނަކުރުމުގައި، އަދި ށަރީއަތުން ބަލާ އެނޫންވެސް މައްސަލަތަކުގައި ސުޕްރީމްކޯޓުން ނިންމާ ނިންމުމަކީ އެންމެފަހުގެ ނިންމުމެވެ.
146 ވަނަ މާއްދާ – ހައިކޯޓު
(ހ) ހައިކޯޓު އެކުލެވިގެންވާނީ ގާނޫނުގައި ކަނޑައަޅާ އަދަދެއްގެ ފަނޑިޔާރުންގެ މައްޗަށެވެ.
(ށ) ހައިކޯޓުން މައްސަލަތައް ބަލައި ނިންމާންވާނީ އޮނަހިރި އަދަދެއްގެ މައްޗަށް އެކުލެވޭ ފަނޑިޔާރުންގެ މަޖިލީހަކުންނެވެ.
147 ވަނަ މާއްދާ - އުއްތަމަފަނޑިޔާރު އައްޔަންކުރުން
ދިވެހިރާއްޖޭގައި އުއްތަމަފަނޑިޔާރަކު ހުންނާންވާނެއެވެ. އުއްތަމަފަނޑިޔާރުގެ މަގާމަށް މީހަކު އައްޔަންކުރާނީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާއެވެ. މިގޮތުން އުއްތަމަފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރާ މީހަކު ކަނޑައަޅާނީ ޖުޑީށަލް ސަރވިސް ކޮމިށަނުގެ މަށްވަރާގެމަތީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްފަހު މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން އެ ނަމެއް ފާސްވުމުންނެވެ.
148 ވަނަ މާއްދާ - ފަނޑިޔާރުން އައްޔަންކުރުން
(ހ) ސުޕްރީމްކޯޓުގެ އެންމެހައި ފަނޑިޔާރުން އައްޔަންކުރާނީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާއެވެ. މިގޮތުން ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރާ މީހުން ކަނޑައަޅާނީ ޖުޑީށަލް ސަރވިސް ކޮމިށަނުގެ މަށްވަރާގެމަތީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްފަހު ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން އެ ނަންތަކެއް ފާސްވުމުންނެވެ.
(ށ) ސުޕްރީމްކޯޓުގެ ފަނޑިޔާރުން ފިޔަވައި އެހެނިހެން ފަނޑިޔާރުން އައްޔަންކުރާނީ މި ގާނޫނުއަސާސީ ގައިވާ ގޮތުގެމަތީން އުފައްދާ ޖުޑީށަލް ސަރވިސް ކޮމިށަނުންނެވެ.
(ނ) ފަނޑިޔާރުންނަކީ ކަނޑައެޅޭ ވަކި މުއްދަތަކަށް އައްޔަންކުރެވޭ ބައެއް ނޫނެވެ. ނަމަވެސް ފަނޑިޔާރެއްގެ އުމުރުން ހަތްދިހަ އަހަރު ވުމުން އެ މީހަކު މަގާމުން މުސްކުޅިކުރެވޭނެއެވެ.
(ރ) މި މާއްދާގެ (ނ) އެހެންއޮތުމަކުން، ގާނޫނުއަސާސީ އަށް އަމަލުކުރާން ފަށާ ތާރީހުންފެށިގެން ފަނަރަ އަހަރުވާންދެން، ފަސް އަހަރަށްވުރެ ދިގުނޫން މުއްދަތެއް ކަނޑައަޅައި ފަނޑިޔާރަކު އައްޔަންކުރުމަކަށް ހުރަހެއް ނާޅައެވެ.
149 ވަނަ މާއްދާ – ފަނޑިޔާރުންގައި ހުރުން ލާޒިމް ށަރުތުތައް
(ހ) ގާނޫނުގައިވާ ގޮތުގެމަތީން ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރާންވާނީ ފަނޑިޔާރުކަމުގެ މަގާމަށް ބޭނުންވާ ފެންވަރަށް ތައުލީމާއި ތަޖުރިބާ ލިބިފައިވުމާއެކު، ފަނޑިޔާރެއްގެ ވާޖިބާއި މަސްއޫލިއްޔަތު އުފުލޭފަދަ ގާބިލް މީހުންނެވެ. އަދި އެބައިމީހުންނަކީ، އަހްލާގު ރަނގަޅު ބަޔަކަށް ވާންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ އިތުރުން ފަނޑިޔާރުންގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.
- މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާއަތުގެ މީހަކު ކަމުގައިވުން.
- އުމުރުން ފަންސަވީސް އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.
- އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ހިޔާނާތުގެ ކުށެއް، ނުވަތަ ރިށްވަތުގެ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
- ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން.
(ނ) ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރާ ކޮންމެ މީހަކީ އުމުރުން ތިރީސް އަހަރު ވެފައިވުމާއެކު ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަންކުރުމުގައި ނުވަތަ މި ދެކަމުގައި މަދުވެގެން ހަތްއަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއެކު އިސްލާމީ ށަރީއަތް ނުވަތަ ގާނޫނީ ދާއިރާއިން އިލްމު ލިބިފައިވާ މީހަކު ކަމުގައި ވާންވާނެއެވެ.
(ރ) ދިވެހިރާއްޖޭގެ ފަނޑިޔާރުންނާބެހޭ ގާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރާންވާނެއެވެ.
150 ވަނަ މާއްދާ - ފަނޑިޔާރުންގެ ހުވައިކުރުން
ކޮންމެ ފަނޑިޔާރަކުމެ މަގާމާ ހަވާލުވުމުގެ ކުރީން މި ގާނޫނުއަސާސީ ގެ ޖަދުވަލު 1 ގައިވާ ފަނޑިޔާރުންގެ ހުވައިކޮށް، އެ ހުވައިގެ އިގްރާރުގައި ސޮއި ކުރާންވާނެއެވެ.
151 ވަނަ މާއްދާ – ފަނޑިޔާރުލަމުގެ މަސައްކަތުގައި ދެމިތިބުން
ކޮންމެ ފަނޑިޔާރަކީ ވެސް ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އޭނާގެ ހުރިހައި ވަގުތެއް ތަހްސީސްކުރާ މީހަކަށް ވާންވާނެއެވެ. ފަނޑިޔާރަކު އިތުރު އެހެން މަސައްކަތެއް ކުރާންވާނީ ފަނޑިޔާރުންނާ ބެހޭ ގާނޫނުގައި ކަނޑައެޅިފައިވާ ގޮތުގެ މަތީންނެވެ.
152 ވަނަ މާއްދާ - މުސާރައާއި އިނާޔަތްތައް
ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެންވާފަދަ މުސާރައާއި އިނާޔަތްތައް ފަނޑިޔާރުންނަށް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.
153 ވަނަ މާއްދާ – މުދަލާއި ފައިސާގެ ބަޔާން ހާމަކުރުން
ކޮންމެ ފަނޑިޔާރަކުމެ، ކޮންމެ އަހަރަކު އެއްފަހަރު އެ މީހެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް ޖުޑީށަލް ސަރވިސް ކޮމިށަނަށްހުށަހަޅާންވާނެއެވެ.
154 ވަނަ މާއްދާ – ފަނޑިޔާރުން މަގާމުގައި ދެމިތިބުމާއި، މަގާމުން ވަކިކުރުން
(ހ) ފަނޑިޔާރުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކުން ބޭރުނުވެ މަސައްކަތްކުރާހައި ހިނދަކު ފަނޑިޔާރަކު މަގާމުން ވަކިކޮށްގެނެއް ނުވާނެއެވެ.
(ށ) ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ފަނޑިޔާރުކަމުގެ މަގާމަށް އެ މީހަކު ގާބިލްނޫންކަމަށް، ނުވަތަ އެ މަގާމާ އެކަށީގެންނުވާ ފަދަ އަމަލެއް އެ ފަނޑިޔާރަކު ކޮށްފައިވާ ކަމަށް ޖުޑީށަލް ސަރވިސް ކޮމިށަނަށް ގަބޫލުކުރެވިގެން އެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްވުމުންނެވެ.
155 ވަނަ މާއްދާ – ކޯޓުތަކުގެ އިހްތިސާސް ކަނޑައެޅުމާއި، ކޯޓުތައް ހިންގުމާބެހޭ ގާނޫނުތައް ހެދުމުގެ ބާރު
ކޯޓުތަކުގެ އިހްތިސާސް ކަނޑައެޅުމުގެ ގާނޫނުތަކާއި، ކޯޓުތައް ހިންގުމުގެ ގާނޫނުތަކާއި، ށަރީއަތްކުރުމާބެހޭ އިޖުރާއާތުގެ ގާނޫނުތައް ހެދުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންވެއެވެ.
156 ވަނަ މާއްދާ – ކޯޓުތައް ހިނގުން
ގާނޫނުތަކާ އެއްގޮތްވާގޮތުގެ މަތީން އަދުލު އިންސާފު ގާއިމްކުރުމަށްޓަކައި ކޯޓުތަކުން ކުރާ އެންމެހައި ކަންތައްތައް ރައްކާތެރިކޮށް އިދާރީހިންގުމާބެހޭ ގަވާއިދު ހެދުމަކީ ކޯޓުތަކަށް ލިބިގެންވާ ބާރެކެވެ.
ހަތްވަނަ ބާބު
މުސްތަގިއްލު ކޮމިށަންތަކާއި މުސްތަގިއްލު މަގާމްތައް
ޖުޑީށަލް ސަރވިސް ކޮމިށަން
157 ވަނަ މާއްދާ - ޖުޑީށަލް ސަރވިސް ކޮމިށަން
(ހ) ދިވެހިރާއްޖޭގައި ޖުޑީށަލް ސަރވިސް ކޮމިށަނެއް އޮންނާންވާނެއެވެ.
(ށ) ޖުޑީށަލް ސަރވިސް ކޮމިށަނަކީ ވަކިފަރާތަކަށް ބުރަނުވާ، މުސްތަގިއްލު މުއައްސަސާއެކެވެ. އަދި އެ ކޮމިށަނުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރާންވާނީ ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނާ އެއްގޮތްވާ ގޮތުގެމަތީންނެވެ. އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގައި ހިމެނޭ އެންމެހައި މީހުނާއި، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ކޮންމެ ފަރާތެއްގެ މައްޗަށް ޖުޑީށަލް ސަރވިސް ކޮމިށަނުގެ އިހްތިސާސް ހިނގާނެއެވެ.
(ނ) ޖުޑީށަލް ސަރވިސް ކޮމިށަން ހިންގާނީ ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނުގައި ބަޔާންވެގެންވާ ގޮތުގެމަތީންނެވެ. އެ ގާނޫނުގައި، އެ ކޮމިށަނުގެ މަސްއޫލިއްޔަތުތަކާއި، ބާރުތަކާއި، އެ ކޮމިށަނުގެ މަސައްކަތުގެ ދާއިރާއާއި، އެ ކޮމިށަނުގެ މެންބަރުންގެ ކިބައިގައި ހުންނާންވާނޭ ށަރުތުތަކާއި، ސުލޫކީ މިންގަނޑުތައް ކަނޑައަޅައިފައި އޮންނާންވާނެއެވެ.
158 ވަނަ މާއްދާ – ޖުޑީށަލް ސަރވިސް ކޮމިށަން އެކުލެވިގެންވާ ގޮތް
ޖުޑީށަލް ސަރވިސް ކޮމިށަން އެކުލެވިގެންވަނީ އަންނަނިވި މެންބަރުންގެ މައްޗަށެވެ:
(ހ) ރައްޔިތުންގެ މަޖިލީހުގެ ރައީސް.
(ށ) ސުޕްރީމްކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިހާބުކުރާ އުއްތަމަފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކު.
(ނ) ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިހާބުކުރާ ފަނޑިޔާރަކު.
(ރ) ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެކޯޓުތަކުން އިންތިހާބުކުރާ ފަނޑިޔާރަކު.
(ބ) ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެންބަރަކު.
(ޅ) އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކު.
(ކ) ސިވިލް ސަރވިސް ކޮމިށަނުގެ ރައީސް.
(އ) ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މީހަކު.
(ވ) ބަންޑާރަނައިބު.
(މ) ދިވެހިރާއްޖޭގައި ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަލިބިފައިވާ ވަކީލުންގެ ތެރެއިން އެބައިމީހުން އިންތިހާބުކުރާ ގާނޫނީ ވަކީލަކު.
159 ވަނަ މާއްދާ - މަސްއޫލިއްޔަތުތަކާއި ބާރުތައް
އަންނަނިވި މަސްއޫލިއްޔަތުތައް ޖުޑީށަލް ސަރވިސް ކޮމިށަނާ ހަވާލު ކުރެވިގެންވެއެވެ. އަދި އެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ބާރު އެ ކޮމިށަނަށް ލިބިގެންވެއެވެ.
(ހ) އުއްތަމަފަނޑިޔާރާއި ސުޕްރީމްކޯޓުގެ ފަނޑިޔާރުން ފިޔަވައި އެހެން ފަނޑިޔާރުން އައްޔަންކުރުމާއި މަގާމުގެ ކުރިއެރުން ދިނުމާއި، ބަދަލުކުރުމާއި، އުއްތަމަފަނޑިޔާރާއި ސުޕްރީމްކޯޓުގެ ފަނޑިޔާރުން އައްޔަންކުރުމުގައި ރައީސުލްޖުމްހޫރިއްޔާއަށް މަށްވަރާ ދިނުން.
(ށ) ފަނޑިޔާރުންނާ ބެހޭގޮތުން އުފުލާ ށަކުވާތައް ބެލުމާއި، އެ ފަރާތްތަކާމެދު އަޅާންޖެހޭ ފިޔަވަޅުތައް އެޅުމާއި، މަގާމުން ވަކިކުރާންޖެހޭ މީހުން ވަކިކުރުމަށް ހުށަހަޅާންޖެހޭ ފަރާތްތަކަށް އެފަދަ މީހުން މަގާމުން ވަކިކުރުމަށް ހުށަހެޅުން.
(ނ) ތިރީގައި ބަޔާންވެގެންވާ ކަންތައްތަކާބެހޭ ގަވާއިދުތައް ހެދުން:
- ފަނޑިޔާރުން ހޯދުމާއި އައްޔަންކުރުމާ ގުޅޭ އެންމެހައި ކަންކަން.
- ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު.
- ކޮމިށަނުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ރަނގަޅަށް އަދާކުރުމަށްޓަކައި ހަމަޖައްސާންޖެހޭ ކަންތައްތައް.
(ރ) އަދުލު އިންސާފު ގާއިމްކުރުމުގެ ކަންތައްތައް ހިންގުމުގައްޔާއި ކޯޓުތަކާގުޅޭ އެހެނިހެން ކަންތައްތަކުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ލަފާދިނުން.
(ބ) މަތީގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުންވެސް މި ގާނޫނުއަސާސީ އާއި ގާނޫނުން ކޮމިށަނާ ހަވާލުކުރެވޭ އެންމެހައި ކަންކަން.
160 ވަނަ މާއްދާ – ޖުޑީށަލް ސަރވިސް ކޮމިށަން އެކުލަވައިލުން
މި ބާބުގައި ބަޔާންވެގެންވާ ގޮތުގެމަތީން ޖުޑީށަލް ސަރވިސް ކޮމިށަން އެކުލަވައިލުމުގެ މަސައްކަތްކުރާނީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާއެވެ.
161 ވަނަ މާއްދާ – ޖުޑީށަލް ސަރވިސް ކޮމިށަނުގެ މެންބަރުކަމުގެ މުއްދަތު
ޖުޑީށަލް ސަރވިސް ކޮމިށަނުގެ މެންބަރުކަމަށް އައްޔަންކުރެވޭ މީހަކު އެ މަގާމުގައި ހުންނާނީ ތިރީގައި ބަޔާންވެގެންވާ މުއްދަތަށެވެ.
(ހ) މި ގާނޫނުއަސާސީ ގެ 158 ވަނަ މާއްދާގެ (ށ)، (ނ)، (ރ)، (ބ)، (ޅ)، (އ) އަދި (މ) ގެ ދަށުން އައްޔަންކުރެވޭ މީހަކު ނަމަ، ކޮމިށަނުގައި އޭނާ އަށް ހުރެވޭނީ ފަސް އަހަރުގެ އެއް ދައުރަށެވެ. އަދި އެ ދައުރު ހަމަވުމުން، އެ މީހަކު އަލުން އެ ކޮމިށަނަކަށް އައްޔަނެއް ނުކުރެވޭނެއެވެ.
(ށ) މި ގާނޫނުއަސާސީ ގެ 158 ވަނަ މާއްދާގެ(ހ)، (ކ) އަދި (ވ) ގެ ދަށުން، ވަކި މަގާމެއްގެ ހައިސިއްޔަތުން ކޮމިށަނުގައި ހިމެނޭ މީހަކު ނަމަ، އޭނާއަށް ކޮމިށަނުގައި ހުރެވޭނީ އެ މަގާމެއްގައި އޭނާ ދެމިހުރިހައި ދުވަހަކުއެވެ.
162 ވަނަ މާއްދާ – ޖުޑީށަލް ސަރވިސް ކޮމިށަނުގެ މެންބަރުކަމުން އިސްތިއުފާދިނުން
ޖުޑީށަލް ސަރވިސް ކޮމިށަނުގެ މެންބަރަކު މެންބަރުކަމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން އެ މެންބަރަކު މެންބަރުކަމުން ވަކިވީއެވެ. އެހެންނަމަވެސް މި މާއްދާގެ ދަށުން މެންބަރުކަމުން އިސްތިއުފާދެވޭނީ މި ގާނޫނުއަސާސީ ގެ 158 ވަނަ މާއްދާގެ (ހ)، (ކ)، އަދި (ވ) ގައި ބުނެފައިވާ މަގާމުތަކުގައި ތިބޭ މީހުން ފިޔަވައި އެހެން މީހުންނަށެވެ.
163 ވަނަ މާއްދާ - ގާނޫނީ އަދަދާއި ވޯޓުދިނުން
ޖުޑީށަލް ސަރވިސް ކޮމިށަނުގެ ޖަލްސާއެއް ބޭއްވޭނީ އެ ކޮމިށަނުގެ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބެގެންނެވެ. އަދި އެ ކޮމިށަނުން އެއްވެސް ކަމެއް ނިންމޭނީ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތު އެކަމަކަށް ލިބިގެންނެވެ.
164 ވަނަ މާއްދާ - މުސާރައާއި އިނާޔަތްތައް
ޖުޑީށަލް ސަރވިސް ކޮމިށަނަށް އައްޔަންކުރެވޭ މީހުންގެ ތެރެއިން ވެރިކަން ހިންގާ ފަރާތުގެ ނުވަތަ އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގެ ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ނުވަތަ މުސްތަގިއްލު ކޮމިށަނެއްގެ މެންބަރުކަމުގެ މަގާމެއްގައި ނެތް ކޮންމެ މީހަކަށް، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތީން މުސާރައާއި އިނާޔަތްތައް ދެވިދާނެއެވެ.
165 ވަނަ މާއްދާ - މެންބަރުކަމުން ވަކިކުރުން
މި ގާނޫނުއަސާސީ ގެ 158 ވަނަ މާއްދާގެ (ށ)، (ނ)، (ރ)، (ބ)، (ޅ) (އ) އަދި (މ) ގައިވާ ގޮތުގެމަތީން ޖުޑީށަލް ސަރވިސް ކޮމިށަނަށް އައްޔަންކުރެވޭ މީހުން އެ މަގާމުން ވަކިކުރާނީ އެ މީހަކު އެ ކޮމިށަނަށް އައްޔަންކުރި ފަރާތަކުންނެވެ. އަދި މި ގާނޫނުއަސާސީ ގެ 158 ވަނަ މާއްދާގެ (ހ)، (ކ) އަދި (ވ) ގައިވާ ގޮތުގެމަތީން، ވަކި މަގާމެއްގެ ހައިސިއްޔަތުން އައްޔަންކުރެވިފައިވާ މީހުން ޖުޑީށަލް ސަރވިސް ކޮމިށަނުގެ މެންބަރުކަމުން ވަކިވާނީ އެ މީހަކު އެ މަގާމަކުން ވަކިވުމުންނެވެ.
166 ވަނަ މާއްދާ – ހުވައިކުރުން
ޖުޑީށަލް ސަރވިސް ކޮމިށަނުގައި ހިމެނޭ ކޮންމެ މެންބަރަކުމެ އެ މަގާމާ ހަވާލުވުމުގެ ކުރީން މި ގާނޫނުއަސާސީ ގެ ޖަދުވަލު 1 ގައިވާ ޖުޑީށަލް ސަރވިސް ކޮމިށަނުގެ މެންބަރުންގެ ހުވައިކޮށް، އެ ހުވައިގެ އިގްރާރުގައި ސޮއިކުރާންވާނެއެވެ.
އިލެކްށަންސް ކޮމިށަން
167 ވަނަ މާއްދާ - އިލެކްށަންސް ކޮމިށަން
(ހ) ދިވެހިރާއްޖޭގައި އިލެކްށަންސް ކޮމިށަނެއް އޮންނާންވާނެއެވެ.
(ށ) އިލެކްށަންސް ކޮމިށަނަކީ ވަކިފަރާތަކަށް ބުރަނުވާ، މުސްތަގިއްލު މުއައްސަސާއެކެވެ. އަދި އެ ކޮމިށަނުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރާންވާނީ ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނާ އެއްގޮތްވާ ގޮތުގެމަތީންނެވެ.
(ނ) އިލެކްށަންސް ކޮމިށަން ހިންގާނީ އިލެކްށަންސް ކޮމިށަނުގެ ގާނޫނުގައި ބަޔާންވެގެންވާ ގޮތުގެމަތީންނެވެ. އެ ގާނޫނުގައި، އެ ކޮމިށަނުގެ މަސްއޫލިއްޔަތުތަކާއި، ބާރުތަކާއި، އެ ކޮމިށަނުގެ މަސައްކަތުގެ ދާއިރާއާއި، އެ ކޮމިށަނުގެ މެންބަރުންގެ ކިބައިގައި ހުންނާންވާނޭ ށަރުތުތަކާއި، ސުލޫކީ މިންގަނޑުތައް ކަނޑައަޅައިފައި އޮންނާންވާނެއެވެ.
168 ވަނަ މާއްދާ – އިލެކްށަންސް ކޮމިށަނުގެ މެންބަރުންގެ އަދަދާއި، މެންބަރުކަމަށް އައްޔަނުކުރުން
(ހ) އިލެކްށަންސް ކޮމިށަނުގައި، ކޮމިށަނުގެ ރައީސާއެކު މަދުވެގެން ފަސް މެންބަރުން ތިބޭންވާނެއެވެ.
(ށ) އިލެކްށަންސް ކޮމިށަނަށް މެންބަރުން އައްޔަންކުރުމަށްޓަކައި އިލެކްށަންސް ކޮމިށަނުގެ ގާނޫނުގައިވާ ގޮތުގެ މަތީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ، ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރާ ބަޔަކު އެ މަގާމަށް އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
169 ވަނަ މާއްދާ - މެންބަރުކަމުގެ ށަރުތު
އިލެކްށަންސް ކޮމިށަނުގެ މެންބަރުކަމަށް އައްޔަންކުރާންވާނީ، އެ ކޮމިށަނުގެ މަސައްކަތްތައް ކުރެވޭވަރުގެ ތައުލީމާއި ގާބިލްކަން ހުރި މީހުންނެވެ. އަދި އެ މެންބަރުންނަކީ، އެ ކޮމިށަނުގެ ވަޒީފާގެ އިތުރުން އެހެން ވަޒީފާއެއް އަދާކުރާ ބަޔަކަށް ވެގެންނެއް ނުވާނެއެވެ.
170 ވަނަ މާއްދާ - މަސްއޫލިއްޔަތުތަކާއި ބާރުތައް
އިލެކްށަންސް ކޮމިށަނުގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
(ހ) އިންތިހާބުތަކާއި، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުނެގުމަށް ކުރާންޖެހޭ ކަންތައްތައް ކުރުމާއި، އެ ކަންތައްތައް ހިންގުމާއި، ބެލެހެއްޓުމާއި، އެ ކަންތައްތަކަށް މަގުފަހި ކުރުމާއި އަދި އިންތިހާބުތަކާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުތަކުގެ ކަންތައްތައް ހިނގަނީ އިންސާފުވެރިކަމާއެކު، ބިރުވެރިކަމެއް، ބިރުދެއްކުމެއް، ތަޅާފޮޅުމެއް، ނުރަނގަޅު ނުފޫޒެއް، އަދި ކޮރަޕްށަނެއް ނެތި މިނިވަންކަމާއެކު ރައްޔިތުންނަށް ވޯޓުލުމުގެ ހައްގު ފުރިހަމައަށް އަދާކުރެވޭ ގޮތަށްކަން ކަށަވަރުކުރުން.
(ށ) އިންތިހާބުތަކާއި، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުތަކުގައި، ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ތައްޔާރުކުރުމާއި، އެ ރަޖިސްޓަރީއަށް ގެންނާންޖެހޭ އުނިއިތުރު ގެނައުމާއި، ބެލެހެއްޓުމާއި، އިންތިހާބުތަކާއި ރައްޔިތުންގެ ހިޔާލުހޯދުމުގެ އާންމު ވޯޓު ނެގުމާ ބެހޭގޮތުން ހަމަޖައްސާންޖެހޭ އެންމެހައި އިންތިޒާމްތައް ހަމަޖެއްސުން.
(ނ) ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އިންތިހާބުތަކާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުތައް ނެގުމާއި އެ ވޯޓުތަކުގެ ނަތީޖާ އިއުލާންކުރުން.
(ރ) އިންތިހާބީ ދާއިރާތަކުގައި ތިބި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީތައް އެކުލަވައިލައި، ގާނޫނުގައި ކަނޑައަޅައިފައިވާ މުއްދަތަށް އެ ރަޖިސްޓަރީތަކަށް ގެންނާންޖެހޭ އުނިއިތުރު ގެނެސް ގާނޫނުގައިވާ ގޮތުގެމަތީން ސަރުކާރުގެ ގެޒެޓްގައި ށާއިއުކުރަމުން ގެންދިޔުން.
(ބ) ގާނޫނުގައި ކަނޑައަޅާ އުސޫލުތަކެއްގެ މަތީން ކޮންމެ އިންތިހާބެއްގެ ކުރީން އިންތިހާބީ ދާއިރާތަކުގެ ނަންތަކާއި، އިންތައް ކަނޑައަޅައި، ވަކިކޮށް، އެ ކަންކަމަށް ބަދަލު ގެނެސް، މުރާޖައާކުރަމުން ގެންދިއުން. އަދި މި ކަންކަމަށް ގެނެވޭ ބަދަލުތައް ގެޒެޓްގައި ށާއިއުކުރަމުން ގެންދިއުން.
(ޅ) ސިޔާސީ ޕާޓީތައް ރަޖިސްޓަރީކުރުމާއި، ސިޔާސީ ޕާޓީތަކާ ގުޅޭގޮތުން އިލެކްށަންސް ކޮމިށަނުން ކުރާންޖެހޭކަމަށް ގާނޫނުން ކަނޑައަޅައިފައިވާ ކަންކަން ކުރުން.
(ކ) އިންތިހާބުގެ ކަންތައްތައް ހިނގާނޭ ގޮތާއި، އިންތިހާބުގެ މަގްސަދާ ގުޅޭގޮތުން މައުލޫމާތުދީ، ރައްޔިތުން ހޭލުންތެރިކުރުވުން.
(އ) މަތީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުންވެސް އިލެކްށަންސް ކޮމިށަނުން ކުރުމަށް ގާނޫނުއަސާސީ އާއި ގާނޫނުން ކަނޑައަޅާ ކޮންމެ ކަމެއް ކުރުން.
171 ވަނަ މާއްދާ - ވޯޓުނެގުމާއި ގުނުން
(ހ) އިލެކްށަންސް ކޮމިށަނުގެ ބެލުމުގެ ދަށުން ބާއްވާ އިންތިހާބުތަކާއި، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުތަކުގައި ނަގާނީ ސިއްރު ވޯޓެވެ.
(ށ) ކޮންމެ ވޯޓެއް ނަގައި ނިމުމާއެކު، ވޯޓުލާ ކޮންމެ މަރުކަޒެއްގައި މެ، އިލެކްށަންސް ކޮމިށަނުން އެ މަރުކަޒެއް ހަވާލުކޮށްފައިވާ މީހަކު، ކުރިމަތިލީ ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ މީހުން ތިބިނަމަ، އެ ބައެއްގެ ހާޒިރުގައި އަދި އެ ވޯޓެއް ގުނުމުގެ ކަންތައްތައް ބެލުމަށް ގާނޫނު ހުއްދަކުރާ އެނޫންވެސް ބައެއްގެ ހާޒިރުގައި އެ މަރުކަޒެއްގެ ވޯޓު ގުނައި، ކޮންމެ ކެންޑިޑޭޓަކަށް އެ މަރުކަޒަކުން ލިބުނު ވޯޓުގެ އަދަދު ނުވަތަ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަށް ހުށަހެޅިފައިވާ ސުވާލަށް ލިބިފައިވާ ވޯޓުގެ އަދަދު ލިޔެ ބަލަހައްޓައި، އެ މަރުކަޒެއްގައި ނެގުނު ވޯޓުގެ ނަތީޖާ އެ މަރުކަޒެއްގައި އިއުލާންކުރާންވާނެއެވެ.
172 ވަނަ މާއްދާ - އިންތިހާބާބެހޭ ށަކުވާ
(ހ) ކޮންމެ އިންތިހާބަކާ ނުވަތަ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ކޮންމެ އާންމު ވޯޓަކާ ގުޅޭގޮތުން އިލެކްށަންސް ކޮމިށަނުގެ ނިންމުމަކާމެދު، ނުވަތަ އިންތިހާބެއްގެ ނަތީޖާއަކާމެދު، ނުވަތަ އިންތިހާބާބެހޭ ކަމެއްގައި ގާނޫނާއި ގަވާއިދާ ހިލާފަށް ހިނގައިފައިވާ ކަމަށް އެ ފަރާތަކުން ގަބޫލުކުރާ ކަމަކާމެދު ށަކުވާއެއް އޮތްނަމަ އެ ށަކުވާއަކާމެދު ގޮތެއް ނިންމައިދިނުން އެދި އެ ފަރާތަކުން ހައިކޯޓަށް ހުށަހެޅިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ ށަކުވާތަކާމެދު އަމަލުކުރާނޭ ގޮތް އިންތިހާބާބެހޭ ގާނޫނުގައި ކަނޑައަޅައިފައި އޮންނާންވާނެއެވެ.
173 ވަނަ މާއްދާ – އިލެކްށަންސް ކޮމިށަނުގެ މެންބަރުކަމުގެ މުއްދަތު
އިލެކްށަންސް ކޮމިށަނަށް މެންބަރުން އައްޔަންކުރާނީ ފަސް އަހަރު ދުވަހުގެ އެއް ދައުރަށެވެ. ނަމަވެސް އެއިން މެންބަރެއްގެ މެންބަރުކަމުގެ މުއްދަތު ފަސްއަހަރަށްވުރެ ދިގުނޫން މުއްދަތަކަށް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރެވިދާނެއެވެ.
174 ވަނަ މާއްދާ – އިލެކްށަންސް ކޮމިށަނުގެ މެންބަރުކަމުން އިސްތިއުފާދިނުން
އިލެކްށަންސް ކޮމިށަނުގެ މެންބަރަކު މެންބަރުކަމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން އެ މެންބަރަކު މެންބަރުކަމުން ވަކިވީއެވެ.
175 ވަނަ މާއްދާ - ގާނޫނީ އަދަދާއި ވޯޓުދިނުން
އިލެކްށަންސް ކޮމިށަނުގެ ޖަލްސާއެއް ބޭއްވޭނީ އެކޮމިށަނުގެ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބެގެންނެވެ. އަދި އެ ކޮމިށަނުން އެއްވެސް ކަމެއް ނިންމޭނީ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތު އެކަމަކަށް ލިބިގެންނެވެ.
176 ވަނަ މާއްދާ - މުސާރައާއި އިނާޔަތްތައް
އިލެކްށަންސް ކޮމިށަނުގެ މެންބަރުންނަށް މުސާރައާއި އިނާޔަތްތައq ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.
177 ވަނަ މާއްދާ - މެންބަރުކަމުން ވަކިކުރުން
އިލެކްށަންސް ކޮމިށަނުގެ މެންބަރަކު އެ މަގާމުން ވަކިކުރެވޭނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައި އެވާފަދަ ހާލަތެއްގައި، މި މާއްދާގެ (ށ) ގައި އެވާ ގޮތުގެމަތީންނެވެ.
(ހ) އިލެކްށަންސް ކޮމިށަނުގެ މެންބަރުކަމުގެ މަގާމާ އެކަށީގެން ނުވާފަދަ ކަމެއް ކުރިކަމަށް، ނުވަތަ އެ މަގާމު އަދާކުރުމަށް އުޒުރުވެރިވާފަދަ ހާލަތެއް މެދުވެރިވެއްޖެކަމަށް، ނުވަތަ މަގާމު އަދާކުރުމުގެ ގާބިލްކަން ނެތްކަމަށް ފެނިއްޖެ ހިނދެއްގައި؛
(ށ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެއްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފެނިގެން، އެ މެންބަރަކު އެ ކޮމިށަނުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރުމުން އެ މެންބަރަކު މެންބަރުކަމުން ވަކިވީއެވެ.
178 ވަނަ މާއްދާ – ހުވައިކުރުން
އިލެކްށަންސް ކޮމިށަނުގެ މެންބަރުކަމަށް އައްޔަންކުރާ ކޮންމެ މީހަކު މެ އެ މަގާމާ ހަވާލުވުމުގެ ކުރީން މި ގާނޫނުއަސާސީ ގެ ޖަދުވަލު 1 ގައިވާ އިލެކްށަންސް ކޮމިށަނުގެ މެންބަރުންގެ ހުވައިކޮށް، އެ ހުވައިގެ އިގްރާރުގައި ސޮއި ކުރާންވާނެއެވެ.
ސިވިލް ސަރވިސް ކޮމިށަން
179 ވަނަ މާއްދާ - ސިވިލް ސަރވިސް ކޮމިށަން
(ހ) ދިވެހިރާއްޖޭގައި ސިވިލް ސަރވިސް ކޮމިށަނެއް އޮންނާންވާނެއެވެ.
(ށ) ސިވިލް ސަރވިސް ކޮމިށަނަކީ ވަކިފަރާތަކަށް ބުރަނުވާ، މުސްތަގިއްލު މުއައްސަސާއެކެވެ. އަދި އެ ކޮމިށަނުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރާންވާނީ ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނާ އެއްގޮތްވާ ގޮތުގެމަތީންނެވެ. އަދި އެ ކޮމިށަނުން މަސައްކަތް ކުރާންވާނީ ނަތީޖާ ނެރެވޭ، އެކަށީގެންވާ ހަލުވިމިނެއްގައި މަސައްކަތްކުރާ އަދި ފަންނީ މިންގަނޑުތަކާއި ސުލޫކީ ހަމަތައް އޭގެ އެންމެ މަތީ ދަރަޖައެއްގައި ހިފަހައްޓާ ސިވިލް ސަރވިސްއެއް ދެމެހެއްޓުމަށެވެ.
(ނ) ސިވިލް ސަރވިސް ކޮމިށަން ހިންގާނީ ސިވިލް ސަރވިސް ކޮމިށަނުގެ ގާނޫނުގައި ބަޔާންވެގެންވާ ގޮތުގެމަތީންނެވެ. އެ ގާނޫނުގައި، އެ ކޮމިށަނުގެ މަސްއޫލިއްޔަތުތަކާއި، ބާރުތަކާއި، އެ ކޮމިށަނުގެ މަސައްކަތުގެ ދާއިރާއާއި، އެ ކޮމިށަނުގެ މެންބަރުންގެ ކިބައިގައި ހުންނާންވާނޭ ށަރުތުތަކާއި، ސުލޫކީ މިންގަނޑުތައް ކަނޑައަޅައިފައި އޮންނާންވާނެއެވެ.
180 ވަނަ މާއްދާ – ސިވިލް ސަރވިސް ކޮމިށަނުގެ މެންބަރުންގެ އަދަދާއި، މެންބަރުކަމަށް އައްޔަންކުރުން
(ހ) ސިވިލް ސަރވިސް ކޮމިށަނުގައި ކޮމިށަނުގެ ރައީސާއެކު، މަދުވެގެން ފަސް މެންބަރުން ތިބޭންވާނެއެވެ.
(ށ) ސިވިލް ސަރވިސް ކޮމިށަނަށް މެންބަރުން އައްޔަންކުރުމަށްޓަކައި ސިވިލް ސަރވިސް ކޮމިށަނުގެ ގާނޫނުގައިވާ ގޮތުގެމަތީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރާ ބަޔަކު އެ މަގާމަށް އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
181 ވަނަ މާއްދާ - މެންބަރުކަމުގެ ށަރުތު
ސިވިލް ސަރވިސް ކޮމިށަނުގެ މެންބަރުކަމަށް އައްޔަންކުރާންވާނީ، އެ ކޮމިށަނުގެ މަސައްކަތްތައް ކުރެވޭވަރުގެ ތައުލީމާއި ގާބިލްކަން ހުރި މީހުންނެވެ. އަދި އެ މެންބަރުންނަކީ، އެ ކޮމިށަނުގެ ވަޒީފާގެ އިތުރުން އެހެން ވަޒީފާއެއް އަދާކުރާ ބަޔަކަށް ވެގެންނެއް ނުވާނެއެވެ.
182 ވަނަ މާއްދާ - މަސްއޫލިއްޔަތުތަކާއި ބާރުތައް
(ހ) ސިވިލް ސަރވިސް ކޮމިށަނުގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
- ގާނޫނުގައި ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތީން ސިވިލް ސަރވިސް އަށް މީހުން ހޯދުމާއި، މީހުން އައްޔަންކުރުމާއި، މީހުންނަށް މަގާމުގެ ކުރިއެރުން ދިނުމާއި، މީހުންގެ ވަޒީފާ ބަދަލުކުރުމާއި، މީހުން ވަޒީފާއިން ވަކި ކުރުން.
- ސިވިލް ސަރވިސްގެ ހުރިހައި އިދާރާތަކެއް އިންތިޒާމްކުރުމާއި އެއް މިންގަނޑަކުން ހިންގުމުގު އުސޫލުތަކެއް ގާއިމްކުރުން.
- ސިވިލް ސަރވިސްގެ އެންމެހައި މަސައްކަތްތައް، އެކަށީގެންވާ ހަލުވި މިނެއްގައި ކުރުވޭނޭ އަދި ރަނގަޅު ނަތީޖާ ނެރެވޭނޭ ގޮތްތަކަށް މިންގަނޑުތަކާއި އުސޫލުތައް ކަނޑައަޅައި ރޭވުން.
- ވަޒީފާތަކަށް މީހުން ހޯދުމާއި، އައްޔަންކުރުމާއި، ބަދަލުކުރުމާއި، މަގާމުގެ ކުރިއެރުން ދިނުމާއި، ވަޒީފާއިން ވަކިކުރުމުގައި އަމަލުކުރާނޭ އުސޫލުތައް ކަނޑައެޅުން.
- ސިވިލް ސަރވިސް ކޮމިށަނުގެ މަސައްކަތްތަކާ ގުޅޭގޮތުން ވެރިކަން ހިންގާ ފަރާތަށާއި ރައްޔިތުންގެ މަޖިލީހަށް މައުލޫމާތު ދެމުން ގެންދިއުން. އެ މައުލޫމާތުތަކުގެ ތެރޭގައި، މުވައްޒަފުންނާ ބެހޭ ސިޔާސަތުތަކާއި، ކޮމިށަނުގެ ހޯދުންތަކާއި، ކަންކަން ހިންގާންވީ ގޮތާއި، އެކި ކަންކަމާ ގުޅޭގޮތުން ކޮމިށަނުންދޭ ލަފަޔާއި، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރެވިފައިވާ މިންވަރު ހިމެނެއެވެ.
- ސިވިލް ސަރވިސް ކޮމިށަނަށް ގާނޫނުން ލިބިދޭ އިތުރު ބާރުތަކާއި ހަވާލުކުރެވޭ އިތުރު މަސްއޫލިއްޔަތުތައް.
(ށ) ސިވިލް ސަރވިސް ކޮމިށަނުގެ މަސްއޫލިއްޔަތު އަދާކުރުމުގައްޔާއި އެ ކޮމިށަނަށް ލިބިފައިވާ ބާރުތައް ބޭނުންކުރުމުގައި ދީމިގްރާތީ ހަމަތަކާއި އުސޫލުތަކަށްތަބާވާންވާނެއެވެ. މީގެތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ:
- މަތީ ދަރަޖައެއްގެ ފަންނީ ހަމަތަކެއް ހިފަހައްޓައި، އެ ހަމަތައް ކުރިއެރުވުން.
- އެކިއެކި ވަސީލަތްތައް ބޭނުންކުރުމުގައި ނަތީޖާ ނެރުމަށާއި، ބޭނުންކުރެވޭ ވަސީލަތްތަކުގެ ނިސްބަތުން އެދެވޭ ނަތީޖާ ނެރުމަށާއި، އިގްތިސާދުކުރުމަށް ބާރުއަޅައި އެކަންތައްތައް ކުރިއެރުވުން.
- ހިދުމަތް ދިނުމުގައި އިންސާފާއި ހަމަހަމަކަމާއެކު، ވަކިފަރާތަކަށް ބުރަވުމެއް ނެތި، ތައައްސުބުން އެއްކިބާވުން.
- އާންމުންގެ ބޭނުންތަކަށް ބުރަވެ، ސިޔާސަތު ކަނޑައެޅުމުގައި އާންމުން ބައިވެރިވުމަށް ހިތްވަރު ދިނުން.
- ސިވިލް ސަރވިސްއަކީ ދައުލަތް ހިންގުމުގެ ހުރިހައި ބާރުތަކަށާއި އާންމުންނަށް ޖަވާބުދާރީވާ ހިދުމަތަކަށް ހެދުން.
- ހާމަކަން ބޮޑުގޮތެއްގައި ކަންތައްތައް ކުރުމަށްޓަކައި، އެ ކަމެއްގެ ވަގުތުގައި، އެ ކަމަކާ ބެހޭ ސައްހަ މައުލޫމާތު އާންމުންނަށް ފަސޭހައިން ލިބިގަނެވޭ ގޮތަށް ފޯރުކޮށްދިނުން.
- މުވައްޒަފުންގެ ގާބިލިއްޔަތު އިތުރުކުރުމަށްޓަކައި އިންސާނީ ވަސީލަތްތައް ހެޔޮގޮތުގައި ބޭނުންކުރެވޭނޭ ނިޒާމެއް ހިންގައި، މުވައްޒަފުންގެ ފަންނީ ކުރިއެރުމަށް މަގުހޯދައިދިނުން.
- ވަޒީފާ ދިނުމާއި މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ އުސޫލުތައް ކަނޑައެޅުމުގައި ގާބިލްކަމަށާއި، ކަނޑައަޅައިފައިވާ މިންގަނޑުތަކަކުން ވަޒަންކުރުމަށާއި، އިންސާފުގެ މައްޗަށް ބުރަވުން.
- ސިޔާސީ ވަކި ޕާޓީއަކަށް ނުވަތަ ވަކި ކަމަކަށް ތާއީދުކުރުމުގެ ނުވަތަ ނުކުރުމުގެ ސަބަބުން، ސިވިލް ސަރވިސްގެ އެއްވެސް މުވައްޒަފަކަށް ކަމެއް ފަހިކޮށް ނުވަތަ ކަމެއް ދަތިކޮށް ނުހެދުން.
- ސިވިލް ސަރވިސްގައި ހިމެނޭ އެއްވެސް މީހަކު އޭނާގެ މަގާމް، ނުވަތަ މަގާމުގެ ހައިސިއްޔަތުން އޭނާއަށް ލިބިފައިވާ އެއްވެސް މައުލޫމާތެއް، އޭނާގެ ނުވަތަ އެހެން މީހެއްގެ ޒާތީ މަންފާއަކަށްޓަކައި ނަހަމަ ގޮތުގައި ބޭނުން ނުކުރުން.
183 ވަނަ މާއްދާ – ސިވިލް ސަރވިސް ކޮމިށަނުގެ މެންބަރުކަމުގެ މުއްދަތު
ސިވިލް ސަރވިސް ކޮމިށަނަށް މެންބަރުން އައްޔަންކުރާނީ ފަސް އަހަރު ދުވަހުގެ އެއް ދައުރަށެވެ. ނަމަވެސް އެއިން މެންބަރެއްގެ މެންބަރުކަމުގެ މުއްދަތު ފަސްއަހަރަށްވުރެ ދިގުނޫން މުއްދަތަކަށް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރެވިދާނެއެވެ.
184 ވަނަ މާއްދާ – ސިވިލް ސަރވިސް ކޮމިށަނުގެ މެންބަރުކަމުން އިސްތިއުފާދިނުން
ސިވިލް ސަރވިސް ކޮމިށަނުގެ މެންބަރަކު މެންބަރުކަމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން އެ މެންބަރަކު މެންބަރުކަމުން ވަކިވީއެވެ.
185 ވަނަ މާއްދާ - ގާނޫނީ އަދަދާއި ވޯޓުދިނުން
ސިވިލް ސަރވިސް ކޮމިށަނުގެ ޖަލްސާއެއް ބޭއްވޭނީ އެ ކޮމިށަނުގެ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބެގެންނެވެ. އަދި އެ ކޮމިށަނުން އެއްވެސް ކަމެއް ނިންމޭނީ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތު އެކަމަކަށް ލިބިގެންނެވެ.
186 ވަނަ މާއްދާ - މުސާރައާއި އިނާޔަތްތައް
ސިވިލް ސަރވިސް ކޮމިށަނުގެ މެންބަރުންނަށް މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.
187 ވަނަ މާއްދާ - މެންބަރުކަމުން ވަކިކުރުން
ސިވިލް ސަރވިސް ކޮމިށަނުގެ މެންބަރަކު އެ މަގާމުން ވަކިކުރެވޭނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައި އެވާފަދަ ހާލަތެއްގައި، މި މާއްދާގެ (ށ) ގައި އެވާ ގޮތުގެމަތީންނެވެ.
(ހ) ސިވިލް ސަރވިސް ކޮމިށަނުގެ މެންބަރުކަމުގެ މަގާމާ އެކަށީގެން ނުވާފަދަ ކަމެއް ކުރިކަމަށް، ނުވަތަ އެ މަގާމް އަދާކުރުމަށް އުޒުރުވެރިވާފަދަ ހާލަތެއް މެދުވެރިވެއްޖެކަމަށް، ނުވަތަ މަގާމް އަދާކުރުމުގެ ގާބިލްކަން ނެތްކަމަށް ފެނިއްޖެ ހިނދެއްގައި؛
(ށ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެއްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފެނިގެން، އެ މެންބަރަކު އެ ކޮމިށަނުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުނ ްފާސްކުރުމުން އެ މެންބަރަކު މެންބަރުކަމުން ވަކިވީއެވެ.
188 ވަނަ މާއްދާ – ހުވައިކުރުން
ސިވިލް ސަރވިސް ކޮމިށަނުގެ މެންބަރުކަމަށް އައްޔަންކުރާ ކޮންމެ މީހަކުމެ އެ މަގާމާ ހަވާލުވުމުގެ ކުރީން މި ގާނޫނުއަސާސީ ގެ ޖަދުވަލު 1 ގައިވާ ސިވިލް ސަރވިސް ކޮމިށަނުގެ މެންބަރުންގެ ހުވައިކޮށް، އެ ހުވައިގެ އިގްރާރުގައި ސޮއި ކުރާންވާނެއެވެ.
ހިއުމަން ރައިޓްސް ކޮމިށަން
189 ވަނަ މާއްދާ - ހިއުމަން ރައިޓްސް ކޮމިށަން
(ހ) ދިވެހިރާއްޖޭގައި ހިއުމަން ރައިޓްސް ކޮމިށަނެއް އޮންނާންވާނެއެވެ.
(ށ) ހިއުމަން ރައިޓްސް ކޮމިށަނަކީ ވަކިފަރާތަކަށް ބުރަނުވާ، މުސްތަގިއްލު މުއައްސަސާއެކެވެ. އަދި އެ ކޮމިށަނުން އިންސާނީ ހައްގުތައް ކުރިއެރުވުމުގައި މަސައްކަތް ކުރާންވާނީ އެއްވެސް ފަރާތަކަށް ބުރަވުމެއްނެތި، ތައައްސުބުން އެއްކިބާވެ ތިބެގެންނެވެ.
(ނ) ހިއުމަން ރައިޓްސް ކޮމިށަން ހިންގާނީ ހިއުމަން ރައިޓްސް ކޮމިށަނުގެ ގާނޫނުގައި ބަޔާންވެގެންވާ ގޮތުގެމަތީންނެވެ. އެ ގާނޫނުގައި، އެ ކޮމިށަނުގެ މަސްއޫލިއްޔަތުތަކާއި، ބާރުތަކާއި، އެ ކޮމިށަނުގެ މަސައްކަތުގެ ދާއިރާއާއި، އެ ކޮމިށަނުގެ މެންބަރުންގެ ކިބައިގައި ހުންނާންވާނޭ ށަރުތުތަކާއި، ސުލޫކީ މިންގަނޑުތައް ކަނޑައަޅައިފައި އޮންނާންވާނެއެވެ.
190 ވަނަ މާއްދާ – ހިއުމަން ރައިޓްސް ކޮމިށަނުގެ މުންބަރުންގެ އަދަދާއި، މެންބަރުކަމަށް އައްޔަނުކުރުން
(ހ) ހިއުމަން ރައިޓްސް ކޮމިށަނުގައި ކޮމިށަނުގެ ރައީސާއެކު، މަދުވެގެން ފަސް މެންބަރުން ތިބޭންވާނެއެވެ.
(ށ) ހިއުމަން ރައިޓްސް ކޮމިށަނަށް މެންބަރުން އައްޔަންކުރުމަށްޓަކައި ހިއުމަން ރައިޓްސް ކޮމިށަނުގެ ގާނޫނުގައިވާ ގޮތުގެމަތީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރާ ބަޔަކު އެ މަގާމަށް އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
191 ވަނަ މާއްދާ - މެންބަރުކަމުގެ ށަރުތު
ހިއުމަން ރައިޓްސް ކޮމިށަނުގެ މެންބަރުކަމަށް އައްޔަންކުރާންވާނީ އެ ކޮމިށަނުގެ މަސައްކަތްތައް ކުރެވޭވަރުގެ ތައުލީމާއި ގާބިލްކަން ހުރި މީހުންނެވެ. އަދި އެ މެންބަރުންނަކީ، އެ ކޮމިށަނުގެ ވަޒީފާގެ އިތުރުން އެހެން ވަޒީފާއެއް އަދާކުރާ ބަޔަކަށް ވެގެންނެއް ނުވާނެއެވެ.
192 ވަނަ މާއްދާ - މަސްއޫލިއްޔަތުތަކާއި ބާރުތައް
(ހ) ހިއުމަން ރައިޓްސް ކޮމިށަނުގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
- އިންސާނީ ހައްގުތަކަށް މީހުންގެ ހިތްތަކުގައި އިހްތިރާމް އަށަގެންނެވުމަށް މަސައްކަތްކުރުން.
- އިންސާނީ ހައްގުތައް ރައްކާތެރިކުރުމާއި، ކުރިއެރުވުމާއި، އެ ހައްގުތައް ހޯދައިދިނުމަށް މަސައްކަތްކުރުން.
- އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތާމިންވަރު ބަލައި ވަޒަންކުރުން.
(ށ) ހިއުމަންރައިޓްސް ކޮމިށަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި، ގާނޫނުން ކަނޑައަޅާ ބާރުތަކެއް އެ ކޮމިށަނަށް ލިބިގެންވެއެވެ. އޭގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
- އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތާމިންވަރު ތަހުގީގުކޮށް އަންގާންޖެހޭ ފަރާތްތަކަށް އެންގުން.
- އިންސާނީ ހައްގެއް ނިގުޅައިގެންފިނަމަ، ގާނޫނުގައިވާ ގޮތުގެމަތީން އަޅާންޖެހޭ ފިޔަވަޅުތައް އެޅުން.
- އިންސާނީ ހައްގުތަކާ ގުޅޭ އެކިއެކި ދިރާސާތައް ކުރުމާއި އެ ހައްގުތަކާ ބެހޭ ގޮތުން އާންމު ހޭލުންތެރިކަން އިތުރުކުރުވުން.
- ހިއުމަން ރައިޓްސް ކޮމިށަނަށް ގާނޫނުން ލިބިދޭ އިތުރު ބާރުތަކާއި ހަވާލުކުރެވޭ އިތުރު މަސްއޫލިއްޔަތުތައް.
193 ވަނަ މާއްދާ – ހިއުމަން ރައިޓްސް ކޮމިށަނުގެ މެންބަރުކަމުގެ މުއްދަތު
ހިއުމަން ރައިޓްސް ކޮމިށަނަށް މެންބަރުން އައްޔަންކުރާނީ ފަސް އަހަރު ދުވަހުގެ އެއް ދައުރަށެވެ. ނަމަވެސް އެއިން މެންބަރެއްގެ މެންބަރުކަމުގެ މުއްދަތު ފަސްއަހަރަށްވުރެ ދިގުނޫން މުއްދަތަކަށް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރެވިދާނެއެވެ.
194 ވަނަ މާއްދާ – ހިއުމަން ރައިޓްސް ކޮމިށަނުގެ މެންބަރުކަމުން އިސްތިއުފާދިނުން
ހިއުމަން ރައިޓްސް ކޮމިށަނުގެ މެންބަރަކު މެންބަރުކަމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން އެ މެންބަރަކު މެންބަރުކަމުން ވަކިވީއެވެ.
195 ވަނަ މާއްދާ – ގާނޫނީ އަދަދާއި ވޯޓުދިނުން
ހިއުމަން ރައިޓްސް ކޮމިށަނުގެ ޖަލްސާއެއް ބޭއްވޭނީ އެ ކޮމިށަނުގެ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބެގެންނެވެ. އަދި އެ ކޮމިށަނުން އެއްވެސް ކަމެއް ނިންމޭނީ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތު އެކަމަކަށް ލިބިގެންނެވެ.
196 ވަނަ މާއްދާ - މުސާރައާއި އިނާޔަތްތައް
ހިއުމަން ރައިޓްސް ކޮމިށަނުގެ މެންބަރުންނަށް މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.
197 ވަނަ މާއްދާ - މެންބަރުކަމުން ވަކިކުރުން
ހިއުމަން ރައިޓްސް ކޮމިށަނުގެ މެންބަރަކު އެ މަގާމުން ވަކިކުރެވޭނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައި އެވާފަދަ ހާލަތެއްގައި، މި މާއްދާގެ (ށ) ގައި އެވާ ގޮތުގެމަތީންނެވެ.
(ހ) ހިއުމަން ރައިޓްސް ކޮމިށަނުގެ މެންބަރުކަމުގެ މަގާމާ އެކަށީގެން ނުވާފަދަ ކަމެއް ކުރިކަމަށް، ނުވަތަ އެ މަގާމް އަދާކުރުމަށް އުޒުރުވެރިވާފަދަ ހާލަތެއް މެދުވެރިވެއްޖެކަމަށް، ނުވަތަ މަގާމް އަދާކުރުމުގެ ގާބިލްކަން ނެތްކަމަށް ފެނިއްޖެ ހިނދެއްގައި؛
(ށ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެއްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފެނިގެން، އެމެންބަރަކު ކޮމިށަނުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރުމުން އެ މެންބަރަކު މެންބަރުކަމުން ވަކިވީއެވެ.
198 ވަނަ މާއްދާ – ހުވައިކުރުން
ހިއުމަން ރައިޓްސް ކޮމިށަނުގެ މެންބަރުކަމަށް އައްޔަންކުރާ ކޮންމެ މީހަކުމެ އެ މަގާމާ ހަވާލުވުމުގެ ކުރީން މި ގާނޫނުއަސާސީ ގެ ޖަދުވަލު 1 ގައިވާ ހިއުމަން ރައިޓްސް ކޮމިށަނުގެ މެންބަރުންގެ ހުވައިކޮށް، އެ ހުވައިގެ އިގްރާރުގައި ސޮއި ކުރާންވާނެއެވެ.
އެންޓި-ކޮރަޕްށަން ކޮމިށަން
199 ވަނަ މާއްދާ - އެންޓި-ކޮރަޕްށަން ކޮމިށަން
(ހ) ދިވެހިރާއްޖޭގައި އެންޓި-ކޮރަޕްށަން ކޮމިށަނެއް އޮންނާންވާނެއެވެ.
(ށ) އެންޓި-ކޮރަޕްށަން ކޮމިށަނަކީ ވަކިފަރާތަކަށް ބުރަނުވާ، މުސްތަގިއްލު މުއައްސަސާއެކެވެ. އަދި އެ ކޮމިށަނުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރާންވާނީ ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. ދައުލަތުގެ އެންމެހައި ދާއިރާތަކުން ކޮރަޕްށަން ނައްތައިލުމަށް އެންޓި-ކޮރަޕްށަން ކޮމިށަނުން ޖެހިލުންވުމެއްނެތި މަސައްކަތް ކުރާންވާނެއެވެ.
(ނ) އެންޓި-ކޮރަޕްށަން ކޮމިށަން ހިންގާނީ އެންޓި-ކޮރަޕްށަން ކޮމިށަނުގެ ގާނޫނުގައި ބަޔާންވެގެންވާ ގޮތުގެމަތީންނެވެ. އެ ގާނޫނުގައި، އެ ކޮމިށަނުގެ މަސްއޫލިއްޔަތުތަކާއި، ބާރުތަކާއި، އެ ކޮމިށަނުގެ މަސައްކަތުގެ ދާއިރާއާއި، އެ ކޮމިށަނުގެ މެންބަރުންގެ ކިބައިގައި ހުންނާންވާނޭ ށަރުތުތަކާއި، ސުލޫކީ މިންގަނޑުތައް ކަނޑައަޅައިފައި އޮންނާންވާނެއެވެ.
(ރ) ކޮރަޕްށަނަކީ ކޮބައިކަން އެންޓި-ކޮރަޕްށަން ކޮމިށަނުގެ ގާނޫނުގައި ބަޔާންކޮށްފައި އޮންނާންވާނެއެވެ.
200 ވަނަ މާއްދާ – އެންޓި-ކޮރަޕްށަން ކޮމިށަނުގެ މެންބަރުންގެ އަދަދާއި، މެންބަރުކަމަށް އައްޔަނުކުރުން
(ހ) އެންޓި-ކޮރަޕްށަން ކޮމިށަނުގައި ކޮމިށަނުގެ ރައީސާއެކު، މަދުވެގެން ފަސް މެންބަރުން ތިބޭންވާނެއެވެ.
(ށ) އެންޓި-ކޮރަޕްށަން ކޮމިށަނަށް މެންބަރުން އައްޔަންކުރުމަށްޓަކައި އެންޓި-ކޮރަޕްށަން ކޮމިށަނުގެ ގާނޫނުގައިވާ ގޮތުގެމަތީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރާ ބަޔަކު އެ މަގާމަށް އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
201 ވަނަ މާއްދާ - މެންބަރުކަމުގެ ށަރުތު
އެންޓި-ކޮރަޕްށަން ކޮމިށަނުގެ މެންބަރުކަމަށް އައްޔަންކުރާންވާނީ، އެ ކޮމިށަނުގެ މަސައްކަތްތައް ކުރެވޭވަރުގެ ތައުލީމާއި ގާބިލްކަން ހުރި މީހުންނެވެ. އަދި އެ މެންބަރުންނަކީ، އެ ކޮމިށަނުގެ ވަޒީފާގެ އިތުރުން އެހެން ވަޒީފާއެއް އަދާކުރާ ބަޔަކަށް ވެގެންނެއް ނުވާނެއެވެ.
202 ވަނަ މާއްދާ - މަސްއޫލިއްޔަތުތަކާއި ބާރުތައް
އެންޓި-ކޮރަޕްށަން ކޮމިށަނުގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
(ހ) ކޮރަޕްށަންގެ މައްސަލަތައް ބަލައި ތަހުގީގު ކުރުން. މީގެތެރޭގައި، ކޮރަޕްށަންގެ އަމަލެއް ކަމަށް ތުހުމަތުކުރެވޭ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިކަމުގެ ށަކުވާއެއް ހުށަހަޅައިފިނަމަ ނުވަތަ މިނޫން ގޮތަކުންވެސް މިފަދަ ކަމެއްގެ މައުލޫމާތު ލިބިއްޖެނަމަ، ނުވަތަ އެފަދަ ކަމެއްގެ މައްޗަށް ށައްކުކުރެވިއްޖެނަމަ، އެ ކަމެއް ބަލައި ތަހުގީގުކުރުން.
(ށ) ކޮމިށަނުން ތަހުގީގުކުރާ ކަންތައްތަކުގެ ތެރެއިން އެހެނިހެން އިދާރާތަކުން އިތުރަށް ބަލައި ސާފުކުރާންޖެހޭ ކަންތައްތައް އެ ފަރާތްތަކަށް ހުށަހަޅައި، ށަރީއަތަށް ހުށަހަޅާންޖެހޭކަމަށް ފެންނަ ކަންތައްތައް ށަރީއަތަށް ހުށަހެޅުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލަށް ފޮނުވުން.
(ނ) ކޮރަޕްށަން ހުއްޓުވުމަށްޓަކައި ދިރާސާތައްކޮށް، އަޅާންޖެހޭ ފިޔަވަޅުތަކާ ބެހޭ ލަފާ ކަމާބެހޭ އިދާރާތަކަށް ދިނުން.
(ރ) ކޮރަޕްށަނުގެ ގެއްލުމާއި ނުބައިކަމުގެ މައްޗަށް އާންމުން ހޭލުންތެރިކުރުވައި، ދައުލަތް ހިންގުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަން ކުރިއެރުވުން.
(ބ) ކޮރަޕްށަން ނައްތައިލުމަށްޓަކައި ގާނޫނުން ކަނޑައަޅައިފައިވާ އެހެނިހެން ކަންތައްތައްކުރުން.
203 ވަނަ މާއްދާ – އެންޓި-ކޮރަޕްށަން ކޮމިށަނުގެ މެންބަރުކަމުގެ މުއްދަތު
އެންޓި-ކޮރަޕްށަން ކޮމިށަނަށް މެންބަރުން އައްޔަންކުރާނީ ފަސް އަހަރު ދުވަހުގެ އެއް ދައުރަށެވެ. ނަމަވެސް އެއިން މެންބަރެއްގެ މެންބަރުކަމުގެ މުއްދަތު ފަސްއަހަރަށްވުރެ ދިގުނޫން މުއްދަތަކަށް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރެވިދާނެއެވެ.
204 ވަނަ މާއްދާ – އެންޓި-ކޮރަޕްށަން ކޮމިށަނުގެ މެންބަރުކަމުން އިސްތިއުފާދިނުން
އެންޓި-ކޮރަޕްށަން ކޮމިށަނުގެ މެންބަރަކު މެންބަރުކަމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށަ ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން އެ މެންބަރަކު މެންބަރުކަމުން ވަކިވީއެވެ.
205 ވަނަ މާއްދާ - ގާނޫނީ އަދަދާއި ވޯޓުދިނުން
އެންޓި-ކޮރަޕްށަން ކޮމިށަނުގެ ޖަލްސާއެއް ބޭއްވޭނީ އެ ކޮމިށަނުގެ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބެގެންނެވެ. އަދި އެ ކޮމިށަނުން އެއްވެސް ކަމެއް ނިންމޭނީ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތު އެކަމަކަށް ލިބިގެންނެވެ.
206 ވަނަ މާއްދާ - މުސާރައާއި އިނާޔަތްތައް
އެންޓި-ކޮރަޕްށަން ކޮމިށަނުގެ މެންބަރުންނަށް މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.
207 ވަނަ މާއްދާ - މެންބަރުކަމުން ވަކިކުރުން
އެންޓި-ކޮރަޕްށަން ކޮމިށަނުގެ މެންބަރަކު އެ މަގާމުން ވަކިކުރެވޭނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައި އެވާފަދަ ހާލަތެއްގައި، މި މާއްދާގެ (ށ) ގައި އެވާ ގޮތުގެމަތީންނެވެ.
(ހ) އެންޓި-ކޮރަޕްށަން ކޮމިށަނުގެ މެންބަރުކަމުގެ މަގާމާ އެކަށީގެން ނުވާފަދަ ކަމެއް ކުރިކަމަށް، ނުވަތަ އެ މަގާމް އަދާކުރުމަށް އުޒުރުވެރިވާފަދަ ހާލަތެއް މެދުވެރިވެއްޖެކަމަށް، ނުވަތަ މަގާމް އަދާކުރުމުގެ ގާބިލްކަން ނެތްކަމަށް ފެނިއްޖެ ހިނދެއްގައި؛
(ށ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެއްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފެނިގެން، އެ މެންބަރަކު އެ ކޮމިށަނުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރުމުން އެ މެންބަރަކު މެންބަރުކަމުން ވަކިވީއެވެ.
208 ވަނަ މާއްދާ – ހުވައިކުރުން
އެންޓި-ކޮރަޕްށަން ކޮމިށަނުގެ މެންބަރުކަމަށް އައްޔަންކުރާ ކޮންމެ މީހަކުމެ އެ މަގާމާ ހަވާލުވުމުގެ ކުރީން މި ގާނޫނުއަސާސީ ގެ ޖަދުވަލު 1 ގައިވާ އެންޓި-ކޮރަޕްށަން ކޮމިށަނުގެ މެންބަރުންގެ ހުވައިކޮށް، އެ ހުވައިގެ އިގްރާރުގައި ސޮއި ކުރާންވާނެއެވެ.
އޮޑިޓަރ ޖެނެރަލް
209 ވަނަ މާއްދާ- އޮޑިޓަރ ޖެނެރަލް
(ހ) ދިވެހިރާއްޖޭގައި ވަކިފަރާތަކަށް ބުރަނުވާ މުސްތަގިއްލު އޮޑިޓަރ ޖެނެރަލެއް ހުންނާންވާނެއެވެ.
(ށ) އޮޑިޓަރ ޖެނެރަލްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރާންވާނީ ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނާ އެއްގޮތްވާ ގޮތުގެމަތީންނެވެ.
210 ވަނަ މާއްދާ - އޮޑިޓަރ ޖެނެރަލް އައްޔަންކުރުން
ގާނޫނުގައިވާ ގޮތުގެމަތީން އޮޑިޓަރ ޖެނެރަލް ކަމަށް އައްޔަންކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ މީހުންގެ ތެރެއިން އޮޑިޓަރ ޖެނެރަލްކަމުގެ މަގާމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރާ މީހަކު، އޮޑިޓަރ ޖެނެރަލްކަމުގެ މަގާމަށް އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
211 ވަނަ މާއްދާ - އޮޑިޓަރ ޖެނެރަލްގެ ށަރުތު
(ހ) އޮޑިޓަރ ޖެނެރަލްކަމަށް އައްޔަންކުރާންވާނީ، އެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރެވޭވަރުގެ ތައުލީމާއި ގާބިލްކަން ހުރި މީހެކެވެ. އަދި އެ މީހަކީ، އޮޑިޓަރ ޖެނެރަލްކަމުގެ ވަޒީފާގެ އިތުރުން އެހެން ވަޒީފާއެއް އަދާކުރާ މީހަކަށް ވެގެނެއް ނުވާނެއެވެ.
(ށ) އޮޑިޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާއި، ބާރުތަކާއި އޭނާގެ މަސައްކަތުގެ ދާއިރާ އާއި، އޭނާގެ ކިބައިގައި ހުންނާންވާނޭ ށަރުތުތަކާއި، ސުލޫކީ މިންގަނޑު ކަނޑައަޅާ ގާނޫނެއް އޮންނާންވާނެއެވެ.
212 ވަނަ މާއްދާ - މަސްއޫލިއްޔަތުތަކާއި ބާރުތައް
އޮޑިޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
(ހ) އަންނަނިވި ތަންތަނުގެ އެކައުންޓްތަކާއި ހިސާބުތަކާއި މާލީ ހިންގުމާ ގުޅޭގޮތުން އޮޑިޓްކުރުމާއި ރިޕޯޓް ތައްޔާރުކޮށް ށާއިއުކުރުން.
- ސަރުކާރުގެ އެންމެހައި ވުޒާރާތައް.
- ސަރުކާރުގެ ވުޒާރާތަކުގެ ދަށުން ހިންގާ ޑިޕާޓްމަންޓްތައް.
- ސަރުކާރުގެ އެހެނިހެން އިދާރާތަކާއި އޮފީސްތަކާއި ތަންތަން.
- ގާނޫނު ހެދުމުގެ ބާރުގެ ދަށުން ހިނގާ އެންމެހައި އިދާރާތަކާއި އޮފީސްތައް.
- ގާނޫނުއަސާސީ އާއި ގާނޫނުގެ ދަށުން އުފެދިފައިވާ އެންމެހައި މުސްތަގިއްލު ކޮމިށަންތަކާއި މުސްތަގިއްލު މަގާމުތަކުގެ އޮފީސްތަކާއި އެ ތަންތާނގެ ދަށުން ހިނގާ އެންމެހައި އިދާރާތަކާއި އޮފީސްތައް.
- އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގެ ދަށުން ހިނގާ އެންމެހައި އިދާރާތަކާއި އޮފީސްތައް.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަންތަނުގެ އިތުރުންވެސް އޮޑިޓަރ ޖެނެރަލް އޮޑިޓްކުރާންވާނެ ކަމަށް ގާނޫނަކުން ކަނޑައަޅައިފި ކޮންމެ މުއައްސަސާއަކާއި އިދާރާއެއް އޮޑިޓަރ ޖެނެރަލް އޮޑިޓްކުރާންވާނެއެވެ.
(ނ) ގާނޫނުން އެހެން ގޮތަކަށް ކަނޑަނާޅާހައި ހިނދަކު، އަންނަނިވި ތަންތަނުގެ އެކައުންޓްތަކާއި، ހިސާބުތަކާއި، މާލީހިންގުމާ ގުޅޭގޮތުން އޮޑިޓްކުރުމާއި އެ ކަންކަމާބެހޭ ރިޕޯޓް ތައްޔާރުކޮށް ށާއިއުކުރުމުގެ އިހްތިޔާރު އޮޑިޓަރ ޖެނެރަލަށް ލިބިގެންވެއެވެ.
- މައިގަނޑުގޮތެއްގައި ދައުލަތުގެ މުދަލާއި ފައިސާ ހޭދަކޮށްގެން ހިންގާ ކޮންމެ ތަނެއް.
- އެ ވިޔަފާރިއެއްގައި ސަރުކާރުގެ ހިއްސާ އޮތް ކޮންމެ ވިޔަފާރިއެއް.
213 ވަނަ މާއްދާ – ރިޕޯޓުކުރުން
ރައްޔިތުންގެ މަޖިލީހަށާއި، ރައީސުލްޖުމްހޫރިއްޔާއަށާއި، ގާނޫނުން ކަނޑައަޅާ އެހެން ފަރާތްތަކަށް އޮޑިޓަރ ޖެނެރަލްގެ އޮޑިޓް ރިޕޯޓުތަކާއި އަހަރީ ރިޕޯޓުތައް ހުށަހަޅާންވާނެއެވެ.
214 ވަނަ މާއްދާ – އޮޑިޓަރ ޖެނެރަލްގެ އޮފީސް އޮޑިޓްކުރުން
ގާނޫނުގައިވާ ގޮތުގެމަތީން އޮޑިޓަރ ޖެނެރަލްގެ އޮފީސް އޮޑިޓްކުރާންވާނެއެވެ.
215 ވަނަ މާއްދާ – އޮޑިޓަރ ޖެނެރަލްގެ މަގާމުގެ މުއްދަތު
އޮޑިޓަރ ޖެނެރަލް އައްޔަންކުރާނީ ހަތް އަހަރު ދުވަހުގެ އެއް ދައުރަށެވެ. އަދި އޮޑިޓަރ ޖެނެރަލްގެ ގާނޫނުގައިވާ ގޮތުގެމަތީން ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްގެން ފަސް އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް އޭނާގެ މަގާމުގެ މުއްދަތު އިތުރުކުރެވިދާނެއެވެ.
216 ވަނަ މާއްދާ – އޮޑިޓަރ ޖެނެރަލް އިސްތިއުފާދިނުން
އޮޑިޓަރ ޖެނެރަލް އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން އޮޑިޓަރ ޖެނެރަލް އެ މަގާމުން ވަކިވީއެވެ.
217 ވަނަ މާއްދާ – މުސާރައާއި އިނާޔަތްތައް
އޮޑިޓަރ ޖެނެރަލްގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.
218 ވަނަ މާއްދާ – އޮޑިޓަރ ޖެނެރަލް މަގާމުން ވަކިކުރުން
އޮޑިޓަރ ޖެނެރަލް އެ މަގާމުން ވަކިކުރެވޭނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައި އެވާފަދަ ހާލަތެއްގައި، މި މާއްދާގެ (ށ) ގައި އެވާ ގޮތުގެމަތީންނެވެ.
(ހ) އޮޑިޓަރ ޖެނެރަލްގެ މަގާމާ އެކަށީގެން ނުވާފަދަ ކަމެއް ކުރިކަމަށް، ނުވަތަ އެ މަގާމް އަދާކުރުމަށް އުޒުރުވެރިވާފަދަ ހާލަތެއް މެދުވެރިވެއްޖެކަމަށް، ނުވަތަ އެ މަގާމް އަދާކުރުމުގެ ގާބިލްކަން ނެތްކަމަށް ފެނިއްޖެ ހިނދެއްގައި؛
(ށ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެއްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފެނިގެން، އޮޑިޓަރ ޖެނެރަލް މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރުމުން އޮޑިޓަރ ޖެނެރަލް އޭނާގެ މަގާމުން ވަކިވީއެވެ.
219 ވަނަ މާއްދާ – ހުވައިކުރުން
އޮޑިޓަރ ޖެނެރަލްކަމުގެ މަގާމަށް އައްޔަންކުރާ މީހަކުއެ މަގާމާ ހަވާލުވުމުގެ ކުރީން މި ގާނޫނުއަސާސީ ގެ ޖަދުވަލު 1 ގައިވާ އޮޑިޓަރ ޖެނެރަލްގެ ހުވައިކޮށް، އެ ހުވައިގެ އިގްރާރުގައި ސޮއި ކުރާންވާނެއެވެ.
220 ވަނަ މާއްދާ - ޕްރޮސިކިއުޓަރ ޖެނެރަލް
(ހ) ދިވެހިރާއްޖޭގައި ވަކިފަރާތަކަށް ބުރަނުވާ މުސްތަގިއްލު ޕްރޮސިކިއުޓަރ ޖެނެރަލެއް ހުންނާންވާނެއެވެ.
(ށ) ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރާންވާނީ ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނާ އެއްގޮތްވާ ގޮތުގެމަތީންނެވެ.
(ނ) ޕްރޮސިކިއުޓަރ ޖެނެރަލަކީ، އޭނާގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައްޔާއި އޭނާއަށް ލިބިފައިވާ ބާރުތައް ބޭނުންކުރުމުގައި އެއްވެސް މީހަކު ނުވަތަ އެއްވެސް ފަރާތަކުން އަންގާ ގޮތަށް ކަންކަންކުރާ، އަދި އެއްވެސް މީހެއްގެ ނުވަތަ އެއްވެސް ފަރާތެއްގެ ނުފޫޒެއްގެ ދަށުގައިވާ މީހަކަށް ވެގެނެއްނުވާނެއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތައް އަދާކުރާންވާނީ އަދި ބާރުތައް ބޭނުންކުރާންވާނީ، އެއްވެސް ފަރާތަކަށް ޖެހިލުންވުމެއްނެތި، ވަކިފަރާތަކަށް މަންފާއެއް ހޯދައިދިނުމެއްނެތި، ތައައްސުބުން އެއްކިބާވެ ހުރެ ބަންޑާރަނައިބު ކަނޑައަޅާ މައިގަނޑު ސިޔާސަތުތަކާ އެއްގޮތަށެވެ. އަދި އޭނާގެ މަސައްކަތުގެ އަސާސް ބިނާކުރާންވާނީ ހަމަހަމަކަމާއި، ހާމަކަމާއި، ޖަވާބުދާރީވުމުގެ މައްޗަށެވެ.
221 ވަނަ މާއްދާ – ޕްރޮސިކިއުޓަރ ޖެނެރަލް އައްޔަނުކުރުން
ގާނޫނުގައިވާ ގޮތުގެމަތީން ޕްރޮސިކިއުޓަރ ޖެނެރަލް ކަމަށް އައްޔަންކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ މީހުންގެ ތެރެއިން ޕްރޮސިކިއުޓަރ ޖެނެރަލްކަމުގެ މަގާމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރާ މީހަކު، ޕްރޮސިކިއުޓަރ ޖެނެރަލްކަމުގެ މަގާމަށް އައްޔަންކުރާނީ ރައީސުލްޖުމހޫރިއްޔާއެވެ.
222 ވަނަ މާއްދާ - ޕްރޮސިކިއުޓަރ ޖެނެރަލްގެ ށަރުތު
ޕްރޮސިކިއުޓަރ ޖެނެރަލްކަމަށް އައްޔަންކުރާންވާނީ، އެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރެވޭވަރުގެ ތައުލީމާއި ގާބިލްކަން ހުރި މީހެކެވެ. އަދި އެ މީހަކީ، ޕްރޮސިކިއުޓަރ ޖެނެރަލްކަމުގެ ވަޒީފާގެ އިތުރުން އެހެން ވަޒީފާއެއް އަދާކުރާ މީހަކަށް ވެގެނެއް ނުވާނެއެވެ.
223 ވަނަ މާއްދާ – ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްތުތަކާއި ބާރުތައް
ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
(ހ) ޖިނާއީ ކުށްތަކާ ގުޅިގެން ދިވެހިރާއްޖޭގައި ކުރާ އެންމެހައި ދައުވާތަކާބެހޭ ކަންކަން ބެލެހެއްޓުން.
(ށ) ތަހުގީގުކުރާ އެކިއެކި އިދާރާތަކުން ހުށަހަޅާ ހެއްކާއި ގަރީނާ ވަޒަންކޮށް، ދައުވާއެއް އުފުލާންޖެހޭކަން ނުވަތަ ނޫންކަން ކަނޑައެޅުން.
(ނ) ޖިނާއީ ކުށެއް ކޮށްފިކަމުގެ ތުހުމަތު ކުރެވިއްޖެ ކޮންމެ މީހެއްގެ މައްޗަށް ދިވެހިރާއްޖޭގެ ކޮންމެ ކޯޓެއްގައިމެ ދައުވާ އުފުލުމުގެ ބާރު.
(ރ) ޖިނާއީ ކުށެއް ކަމަށް ތުހުމަތުކުރެވޭ އަމަލުތަކާ ގުޅިގެން ބަލާ ބެލުންތަކާއި ހިންގާ ތަހުގީގުތައް ބަލައި އެ ކަންކަން ހިންގަނީ ގާނޫނާ އެއްގޮތަށްތޯ ބެލުން.
(ބ) ށަރީއަތަށް މައްސަލަ ހުށަހެޅުމުގެ ކުރީގައި މީހަކު ހައްޔަރުކޮށް، ނުވަތަ ބަންދުކޮށް، ނުވަތަ މިނޫންވެސް ގޮތަކުން މީހެއްގެ މިނިވަންކަން ހިފެހެއްޓޭނޭ ހާލަތްތަކާއި ށަރުތުތައް މުތާލިއާކުރުމާއި މުރާޖައާކުރަމުން ގެންދިއުމާއި، އެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަމުންދޭތޯ ބެލުން.
(ޅ) ޖިނާއީ ކުށެއް ކަމަށް ތުހުމަތުކުރެވޭ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިކަމުގެ ށަކުވާއެއް ހުށަހަޅައިފިނަމަ ނުވަތަ މިނޫން ގޮތަކުންވެސް މިފަދަ ކަމެއްގެ މައުލޫމާތު ލިބިއްޖެ ހިނދެއްގައި، އެ ކަމެއް ތަހުގީގުކުރުމުގެ އަމުރު ނެރުން ރަނގަޅުކަމަށް އޭނާއަށް ފެންނަ ކަންކަމުގައި އެ އަމުރު ނެރުން.
(ކ) ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނުން، ޖިނާއީ ދައުވާއެއް ކުރުމުގެ ބާރު ލިބިފައިވާ އެއްވެސް ފަރާތަކުން ހިންގާން ފަށައިފައިވާ ޖިނާއީ ދައުވާއެއް ކުރިއަށް ގެންދިއުމާ ހަވާލުވުމާއި، މިފަދަ ދައުވާތައް މުރާޖައާކޮށް، އަނބުރާ ގެންނާން ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިއްޖެ ކޮންމެ ދައުވާއެއް ކޯޓުން ހުކުމެއް އިއްވުމުގެ ކުރީގައި އަނބުރާ ގެނައުން.
(އ) ކުށެއްކުރިކަމަށް ތުހުމަތު ކުރެވިފައިވާ މީހަކާމެދު ދައުވާ އުފުލުމަށް ނުވަތަ ދައުވާ ނުއުފުލުމަށް ނިންމައިފައިވާ ނިންމުމެއް މުރާޖައާކޮށް އެ ނިންމުން ބަދަލުކުރުމާއި، ކޮށްފައިވާ ދައުވާއެއް އަނބުރާ ގެނައުން.
(ވ) ޖިނާއީ މައްސަލައަކާ ގުޅިގެން ކޯޓަކުން އިއްވާފައިވާ ހުކުމެއް ނުވަތަ ނިންމައިފައިވާ ނިންމުމެއް އިސްތިއުނާފުކުރަން ހުށަހެޅުން.
(މ) ޖިނާއީ މައްސަލަތަކުގައި ދައުވާކުރުމުގެ އެންމެހައި އުސޫލުތައް ކަނޑައެޅުން.
(ފ) ގާނޫނުއަސާސީ ގެ އެންމެހައި ހަމަތަކާއި، ގާނޫނާއި، އެންމެހައި ފަރުދުންގެ ހައްގުތަކާއި މިނިވަންކަން ނެގެހެއްޓުން.
224 ވަނަ މާއްދާ – މަސައްކަތް އެހެން ފަރާތަކާ ހަވާލުކުރުން
ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތު އަދާކުރުމާއި އޭނާއަށް ލިބިދޭ ބާރުގެދަށުން ކަމެއް ހިންގުމުގައި އޭނާގެ އިރުށާދުގެ ދަށުން އެ ކަމެއް ހިންގުން އޭނާގެ މަސައްކަތުގެ ދާއިރާގައި ހިމެނޭ އެހެން މީހަކާ ނުވަތަ އެހެން ބަޔަކާ ހަވާލުކުރެވިދާނެއެވެ.
225 ވަނަ މާއްދާ – ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމުގެ މުއްދަތު
ޕްރޮސިކިއުޓަރ ޖެނެރަލް އައްޔަންކުރާނީ ފަސް އަހަރު ދުވަހުގެ އެއް ދައުރަށެވެ. އަދި ޕްރޮސި ކިއުޓަރ ޖެނެރަލްގެ ގާނޫނުގައިވާ ގޮތުގެމަތީން ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްގެން ފަސް އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް އޭނާގެ މަގާމުގެ މުއްދަތު އިތުރުކުރެވިދާނެއެވެ.
226 ވަނަ މާއްދާ – ޕްރޮސިކިއުޓަރ ޖެނެރަލްގެ އިސްތިއުފާދިނުން
ޕްރޮސިކިއުޓަރ ޖެނެރަލް އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން ޕްރޮސިކިއުޓަރ ޖެނެރަލް އެ މަގާމުން ވަކިވީއެވެ.
227 ވަނަ މާއްދާ – މުސާރައާއި އިނާޔަތްތައް
ޕްރޮސިކިއުޓަރ ޖެނެރަލްގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.
228 ވަނަ މާއްދާ – ޕްރޮސިކިއުޓަރ ޖެނެރަލް މަގާމުން ވަކިކުރުން
ޕްރޮސިކިއުޓަރ ޖެނެރަލް އެ މަގާމުން ވަކިކުރެވޭނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައި އެވާފަދަ ހާލަތެއްގައި، މި މާއްދާގެ (ށ) ގައި އެވާ ގޮތުގެ މަތީންނެވެ.
(ހ) ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމާ އެކަށީގެން ނުވާފަދަ ކަމެއް ކުރިކަމަށް، ނުވަތަ އެ މަގާމް އަދާކުރުމަށް އުޒުރުވެރިވާފަދަ ހާލަތެއް މެދުވެރިވެއްޖެކަމަށް، ނުވަތަ އެ މަގާމް އަދާކުރުމުގެ ގާބިލްކަން ނެތްކަމަށް ފެނިއްޖެ ހިނދެއްގައި؛
(ށ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެއްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފެނިގެން، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރުމުން ޕްރޮސިކިއުޓަރ ޖެނެރަލް އޭނާގެ މަގާމުން ވަކިވީއެވެ.
229 ވަނަ މާއްދާ – ހުވައިކުރުން
ޕްރޮސިކިއުޓަރ ޖެނެރަލްކަމުގެ މަގާމަށް އައްޔަންކުރާ މީހަކު އެ މަގާމު ހަވާލުވުމުގެ ކުރީން މި ގާނޫނުއަސާސީ ގެ ޖަދުވަލު 1 ގައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ ހުވައިކޮށް، އެ ހުވައިގެ އިގްރާރުގައި ސޮއި ކުރާންވާނެއެވެ.
އަށްވަނަ ބާބު
ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުން
230 ވަނަ މާއްދާ – ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުން
(ހ) ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގާންވާނީ ލާމަރުކަޒީ އުސޫލުންނެވެ.
(ށ) ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށްޓަކައި، ގާނޫނުގައި ކަނޑައަޅައިފައިވާ ގޮތުގެމަތީން އިދާރާތަކާއި، މަގާމުތަކާއި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް އުފެއްދުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.
(ނ) ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ އިދާރާތަކާއި، މަގާމުތަކާއި، ކައުންސިލްތަކުގެ ސިފަތަކާއި، އެފަރާތްތަކުގެ އިހްތިސާސް ގާނޫނުގައި ކަނޑައަޅައިފައި އޮންނާންވާނެއެވެ.
231 ވަނަ މާއްދާ - ކައުންސިލްތައް އިންތިހާބުކުރުން
(ހ) އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ކައުންސިލްތަކުގައި ހިމެނެންވާނީ ހަމައެކަނި އެ ކައުންސިލް ނިސްބަތްވާ ސަރަހައްދުގެ ރައްޔިތުން ދީމިގްރާތީ އުސޫލުތަކުގެމަތީން، ސިއްރުވޯޓަކުން އިންތިހާބުކުރާ މެންބަރުންނެވެ.
(ށ) އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އިންތިހާބު ކުރެވޭ ކައުންސިލްތަކުގެ ރައީސާއި ނައިބުރައީސް އިންތިހާބުކުރާނީ، އެ ކައުންސިލެއްގެ މެންބަރުންގެ ތެރެއިން އެ ކައުންސިލްގައި ހިމެނޭ މެންބަރުންގެ ސިއްރު ވޯޓަކުންނެވެ.
(ނ) އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އިންތިހާބު ކުރެވޭ ކައުންސިލްތަކުގެ އުމުރަކީ ދިގުވެގެން ތިން އަހަރެވެ.
(ރ) އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ކައުންސިލްތައް އިންތިހާބު ކުރުމާބެހޭ ގާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރާންވާނެއެވެ.
(ބ) އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ކައުންސިލްތަކުގެ އިންތިހާބުތައް ހިންގައި ބަލަހައްޓާންވާނީ އިލެކްށަންސް ކޮމިށަނުންނެވެ.
232 ވަނަ މާއްދާ - މަސްއޫލިއްޔަތުތައް
ލާމަރުކަޒީ އުސޫލުން ކަންކަން ހިންގުމަށް އިންތިހާބު ކުރެވޭ ކައުންސިލްތަކުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ:
(ހ) ދީމިގްރާތީ އަދި ޖަވާބުދާރީވަނިވި އުސޫލުތަކުގެމަތީން ކަންކަން ހިންގުން.
(ށ) އިގްތިސާދީ އަދި އިޖްތިމާއީ ދުޅަހެޔޮކަމާއި މުޖްތަމައުގެ ތަރައްގީއަށް ބާރުއެޅުން.
(ނ) ސިއްހަތަށް ރަނގަޅު، ރައްކާތެރި، ދިރޭ ތަކެތީގެ މުއްސަނދިކަން ރައްކާތެރިކުރެވޭ ތިމާވެއްޓެއް ގާއިމްކޮށްފައި ބޭއްވުމަށް ބާރުއެޅުން.
(ރ) ގާނޫނުން ކަނޑައަޅާ މިނޫންވެސް މަގްސަދުތައް ހާސިލްކުރުމަށް މަސައްކަތްކުރުން.
233 ވަނަ މާއްދާ – ގާނޫނުގެ އިމުގެތެރޭގައި ގަވާއިދުތައް ހެދުން
ލާމަރުކަޒީ އިދާރާތަކުން ހަދާ ގަވާއިދުތަކާއި ނިންމާ ނިންމުންތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނުތަކާއި، އެ ގާނޫނުތަކުގެ ދަށުން ހެދޭ އެހެނިހެން ގަވާއިދުތަކުގެ އިމުން ބޭރުވެގެނެއް ނުވާނެއެވެ.
234 ވަނަ މާއްދާ - މާލީ ކަންކަން
ލާމަރުކަޒީ އިދާރާތަކަށް ގާނޫނުގައިވާ ގޮތުގެމަތީން ކޮންމެ އަހަރަކުވެސް ދައުލަތުގެ ބަޖެޓްގައި ހިމަނައިގެން ފައިސާ ދޫކުރާންވާނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނާ އެއްގޮތްވާ ގޮތުގެމަތީން ފައިސާ ހޯދުމުގެ ބާރު ލާމަރުކަޒީ އިދާރާތަކަށް ލިބިގެންވެއެވެ.
235 ވަނަ މާއްދާ – މުދާ މިލްކުކުރުމާއި ދަރަންޏަށް ޒިންމާވުމުގެ ބާރު
ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނުގެ ދާއިރާގެ ތެރޭގައި، މުދާ މިލްކު ކުރުމާއި ދަރަންޏަށް ޒިންމާ ވުމުގެ ބާރު ލާމަރުކަޒީ އިދާރާތަކަށް ލިބިގެންވެއެވެ.
ނުވަވަނަ ބާބު
ސަލާމަތީ ހިދުމަތްތައް
236 ވަނަ މާއްދާ - ސަލާމަތީ ހިދުމަތްތައް ގާއިމްކުރުން
ދިވެހިރާއްޖޭގައި އުޅޭ އެންމެހައި މީހުންނަށް ސުލްހަވެރިކަމާއި އަމާންކަމާއި މިނިވަންކަމާއެކު އުޅެވޭނޭ މަގުތައް ތަނަވަސްކޮށް ފަހިކޮށްދިނުމަށްޓަކައި ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ހިދުމަތްތަކެއް ދިވެހިރާއްޖޭގައި ގާއިމްކޮށްފައި އޮންނާންވާނެއެވެ.
237 ވަނަ މާއްދާ - މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
ސަލާމަތީ ހިދުމަތްތަކުން ދިވެހިރާއްޖޭގެ އަމިއްލަ ވެރިކަން ރައްކާތެރިކޮށް، ސަރަހައްދުގެ ރައްކާތެރިކަން ދަމަހައްޓައި، ގާނޫނުއަސާސީ އާއި ދީމިގްރާތީ މުއައްސަސާތައް ހިމާޔަތްކޮށް، ގާނޫނު ދަމަހައްޓައި، ތަންފީޒުކޮށް، އަމަންއަމާންކަން ދަމަހައްޓައި، އަދި ކުއްލި ހާލަތްތަކުގައި ސަލާމަތީ ހިދުމަތްތަކުން އެހީތެރިކަން ދޭންވާނެއެވެ.
238 ވަނަ މާއްދާ - ގާނޫނަށް ތަބާވުން
ސަލާމަތީ ހިދުމަތްތަކުން މަސައްކަތް ކުރާންވާނީ އަދި އެ ތަންތަނުން ހިންގާ ހުރިހައި ކަމެއްމެ ހިންގާންވާނީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތްވާ ގޮތުގެމަތީން، ޖަވާބުދާރީވަނިވި ގޮތެއްގައެވެ. ސަލާމަތީ ހިދުމަތްތަކަށް މި މާއްދާއިން ލާޒިމްކޮށްފައިވާ ގޮތުގެމަތީން އަމަލުކުރަމުން ގެންދާކަން ރައީސުލްޖުމްހޫރިއްޔާ ކަށަވަރުކުރާން ވާނެއެވެ.
239 ވަނަ މާއްދާ – ސަލާމަތީ ހިދުމަތްތަކުގެ މައްޗަށް އޮންނަ ރައްޔިތުންގެ މަޖިލީހުގެ ބާރު
(ހ) ސަލާމަތީ ކޮންމެ ހިދުމަތެއް އިންތިޒާމުކޮށް ހިންގާނޭ އުސޫލުތައް ބަޔާންކުރާ ގާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރާންވާނެއެވެ.
(ށ) ސަލާމަތީ ހިދުމަތްތަކުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ ބާރު ހިންގޭނެއެވެ.
240 ވަނަ މާއްދާ – ވަކިވަކި ހިދުމަތްތަކެއްގެ ގޮތުގައި ހިންގުން
ސަލާމަތީ ހިދުމަތްތައް އިންތިޒާމުކޮށް ހިންގާންވާނީ އެއް ހިދުމަތަކާއި އަނެއް ހިދުމަތެއް ވަކިކުރެވިފައިވާ ދެ ހިދުމަތެއްގެ ގޮތުގައެވެ.
241 ވަނަ މާއްދާ – ސަލާމަތީ ހިދުމަތްތަކާ ބެހޭ، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ
ސަލާމަތީ ހިދުމަތްތައް ހިނގާ ނުހިނގާގޮތް ބަލަމުން ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއް އޮންނާން ވާނެއެވެ. މި ކޮމިޓީގައި ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ހުރިހައި ސިޔާސީ ޕާޓީތަކުން މެންބަރުން ހިމަނާން ވާނެއެވެ.
242 ވަނަ މާއްދާ - ވަޒީރުން ޖަވާބުދާރީވުން
ސަލާމަތީ ކޮންމެ ހިދުމަތެއްމެ ހިންގާންވާނީ ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ބެލުމުގެ ދަށުންނެވެ. އެ ވަޒީރެއްގެ ބެލުމުގެ ދަށުން ހިނގާ ސަލާމަތީ ހިދުމަތެއްގެ ކަންކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް އެ ވަޒީރަކު ޖަވާބުދާރީވާން ވާނެއެވެ.
243 ވަނަ މާއްދާ - ސިފައިންގެ ހިދުމަތް
(ހ) ސިފައިންގެ ހިދުމަތުގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއާއި، ދިވެހިރާއްޖޭގެ ސަރަހައްދާއި، ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދާއި، ރައްޔިތުން ރައްކާތެރިކޮށް ހިމާޔަތް ކުރުމެވެ.
(ށ) ގައުމުގެ ދިފާއުގައި ހަނގުރާމަކުރުމަށް ނުވަތަ ބައިނަލްއަގްވާމީ ލަށްކަރެއްގައި ސިފައިން ހަރަކާތްތެރިވުމަށް ސިފައިންގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ހުއްދައެއް ދީފިނަމަ، ނުވަތަ އަމުރެއް ކޮށްފިނަމަ އެކަން ލަސްނުކޮށް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާންވާނެއެވެ. ސިފައިން ހަރަކާތްތެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ދިން ހުއްދަ ބަލައިގަތުމާއި، އެ ހުއްދަ ބާތިލްކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މި ބާރުތައް ކޮންމެ ވަގުތަކުމެ ބޭނުންކުރުމުގެ އިހްތިޔާރު އެ މަޖިލީހަށް ލިބިގެންވެއެވެ.
244 ވަނަ މާއްދާ - ފުލުހުންގެ ހިދުމަތް
ފުލުހުންގެ ހިދުމަތުގެ މައިގަނޑު މަގްސަދުތަކަކީ:
(ހ) މުޖްތަމައުގެ އަމަންއަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުން.
(ށ) ދިވެހިރާއްޖޭގައި އުޅޭ އެންމެހައި މީހުން ހިމާޔަތް ކޮށްދީ އެބައިމީހުންގެ މުދަލާއި ގެދޮރު ރައްކާތެރިކޮށްދިނުން.
(ނ) ޖިނާއީ ކުށްތައް ތަހުގީގުކުރުމާއި، ހެކިތައް ރައްކާތެރިކޮށް ބެލެހެއްޓުމާއި، މައްސަލަތައް ށަރީއަތަށް ހުށަހެޅުމަށް ބޭނުންވާނޭ ތައްޔާރީތައް ކުރުން.
(ރ) ގާނޫނު ނެގެހެއްޓުން.
245 ވަނަ މާއްދާ – ގައިރުގާނޫނީ އަމުރު ނުކުރުމާއި ގައިރުގާނޫނީ އަމުރަށް ތަބާނުވުން
އެއްވެސް ފަރާތަކުން ސަލާމަތީ ހިދުމަތްތަކުގައި ހިމެނޭ އެއްވެސް މީހަކަށް ގައިރުގާނޫނީ އަމުރެއް ކޮށްގެނެއް ނުވާނެއެވެ. އަދި އެފަދަ އެއްވެސް އަމުރަކަށް ސަލާމަތީ ހިދުމަތްތަކުގައި ހިމެނޭ އެއްވެސް މީހަކު ތަބާވެގެނެއް ނުވާނެއެވެ.
246 ވަނަ މައްދާ - ހަމަހަމަކަމާއެކު އަމަލުކުރުން
(ހ) ސަލާމަތީ ހިދުމަތްތަކުގައި ހިމެނޭ މީހުން އަމަލުކުރާންވާނީ ފަރުދުންގެ މެދުގައްޔާއި ޖަމާއަތްތަކުގެ މެދުގައި ތަފާތުކުރުމެއްނެތި، ހަމަހަމަކަމާއެކު، އިސްލާމީ ރިވެތި އަހްލާގާއި އިންސާނީ ށަރަފާއި މީހުންގެ ގަދަރަށް ހުރުމަތްތެރިކޮށް ހިތައިގެންނެވެ.
(ށ) ސަލާމަތީ ހިދުމަތްތަކުގައި ހިމެނޭ މީހުން ސިޔާސީ އެއްވެސް ހަރަކާތެއްގައި، ނުވަތަ ސިޔާސީ ޕާޓީއެއްގައި ނުވަތަ މަސައްކަތްތެރީންގެ ޖަމްއިއްޔާއެއްގައި ބައިވެރިވެގެނެއް ނުވާނެއެވެ.
ދިހަވަނަ ބާބު
ދައުލަތުގެ މިލްކުވެރިކަމާއި، މާލީ ޒިންމާތަކާއި ދައުވާތައް
247 ވަނަ މާއްދާ – ދައުލަތުގެ މިލްކުގައިވާ ތަކެއްޗާއި ދައުލަތަށް ހޯދޭ ތަކެތި
(ހ) މި ގާނޫނުއަސާސީ އަށް އަމަލުކުރާން ފަށާއިރު ދައުލަތުގެ މިލްކުގައިވާ ހުރިހައި މުދަލާއި، ތަންތަނާއި، ތަކެއްޗާއި، ފައިސާއަކީ، ދައުލަތުގެ ތަކެއްޗެވެ.
(ށ) ދައުލަތުގެ ބޭނުމަށް ހޯދާ އަދި ދައުލަތަށް ލިބޭ ހުރިހައި މުދަލާއި، ތަންތަނާއި، ތަކެއްޗާއި، ފައިސާއަކީ، ދައުލަތުގެ ތަކެއްޗެވެ.
248 ވަނަ މާއްދާ – ކަނޑާއި، އެއްގަމާއި، ތަބީއީގޮތުން އުފެދިފައި ހުރި އަގުހުރި ތަކެތި
(ހ) ދިވެހިރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ހިމެނޭ އެއްގަމާއި، ކަނޑާއި، ކަނޑުގައިވާ މަހާއި، ކަނޑުގެ އަޑީގެ ބިމާއި، އަދި މިތަންތާނގައި ގުދްރަތީގޮތުން އުފެދިފައި ހުރިނަމަ ހުރި މައުދަނާއި، ތެލާއި،ގޭހާއި، އަދި މިނޫންވެސް ހުރިހައި އެއްޗެއް މިލްކުވެގެންވަނީ، ދިވެހިދައުލަތަށެވެ.
(ށ) ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި ހިމެނޭ ކަނޑުގައްޔާއި، ކަނޑުގެ އަޑީގެ ބިމުގައިވާ ދިރުންހުރި، އަދި ދިރުމެއްނެތް، ތަބީއީ، އަގުހުރި ހުރިހާ އެއްޗެއް މިލްކުވެގެންވަނީ، ދިވެހިދައުލަތަށެވެ.
249 ވަނަ މާއްދާ - ގާނޫނީ މިލްކުވެރިޔަކު ނުވާ މުދާ
(ހ) ދިވެހިރާއްޖޭގެ ސަރަހައްދުގެ ތެރެއިން ހޮވާ ތަކެތީގެ ތެރެއިންނާއި، ކަނޑުގެ އަޑީގައިވާ ނުވަތަ ކަނޑުން ލަނގުވާ، ކަނޑުގައި އުފެދޭ ތަކެތި ފިޔަވައި، އެހެން ތަކެތީގެ ތެރެއިން ގާނޫނީ މިލްކުވެރިޔަކު މަތިނުވާ ތަކެއްޗަކީ، ދައުލަތުގެ ތަކެއްޗެވެ.
(ށ) ދިވެހިރާއްޖޭގެ ސަރަހައްދުގެ ތެރެއިން ބިންކޮންނަނިކޮށް ފެންނަ ގާނޫނީ މިލްކުވެރިޔަކުނުވާ ރަނާއި، ރިއްސާއި، އަދި މިނޫންވެސް އަގުހުރި މައުދަނާއި، ގަހަނާއާއި، ފައިސާއާއި، އާސާރީ ތަކެއްޗަކީ ދައުލަތުގެ ތަކެއްޗެވެ.
250 ވަނަ މާއްދާ – ދައުލަތުގެ މުދަލާ ގުޅޭގޮތުން ހިންގާ މުއާމަލާތްތައް
(ހ) ދައުލަތުގެ މިލްކުގައި ހިމެނޭ އެއްވެސް އެއްޗެއް އެއްވެސް ފަރާތަކަށް ދޭންވާނީ ނުވަތަ ވިއްކާންވާނީ ނުވަތަ ކުއްޔަށް ދޭންވާނީ ނުވަތަ ދޫކޮށްލާންވާނީ ނުވަތަ ރަހުނު ކުރާންވާނީ ނުވަތަ ނައްތައިލާންވާނީ ނުވަތަ މިނޫންވެސް މިފަދަ ކަމަކާގުޅޭ އެއްބަސްވުމެއްގައި ސޮއިކުރާންވާނީ ގާނޫނުގައިވާ ގޮތުގެމަތީންނެވެ.
(ށ) ދައުލަތުގެ މާލިއްޔާގައި ރިޒަރވްގެ ގޮތުގައި ބަހައްޓައިފައިވާ އެއްވެސް ފައިސާއެއް ނުވަތަ މުދަލެއް ނުވަތަ އެނޫންވެސް އެއްޗެއް ހަރަދުކުރާންވާނީ އެކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްކޮށްގެންނެވެ.
251 ވަނަ މާއްދާ – ބޭރުގެ އެއްވެސް ފަރާތަކަށް ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް މިލްކުކޮށްދިނުމާއި، އަސްކަރީ ބޭނުންތަކަށް ދިނުން
(ހ) ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް، ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް މިލްކުކޮށެއް ނުދެވޭނެއެވެ.
(ށ) ދިވެހިރާއްޖޭގެ އެއްވެސް ބައެއް ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް ކުއްޔަށް ނުވަތަ އެނޫންގޮތަކަށް ވެސް ދެވޭނީ އެންމެ ދިގުވެގެން ނުވަދިހަނުވަ އަހަރުގެ މުއްދަތަކަށެވެ.
(ނ) ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްވެގެން މެނުވީ ރާއްޖެއިން ބޭރުގެ ފަރާތަކަށް ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް އަސްކަރީ ބޭނުމަކަށް ދީގެނެއްނުވާނެއެވެ.
252 ވަނަ މާއްދާ – ދައުލަތުގެ ނަމުގައި ދައުވާކުރުމާއި، ދައުވާ ލިބިގަތުން
މި ގާނޫނުއަސާސީ ގައި އެހެން ފަރާތެއްގެ މަސްއޫލިއްޔަތެއް ކަމުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފިޔަވައި ދައުލަތުގެ ނަމުގައި ދިވެހިރާއްޖޭގެ ކޯޓުތަކުގައްޔާއި، ރާއްޖެއިން ބޭރުގެ ކޯޓުތަކުގައްޔާއި، އަދި މިނޫންވެސް ތަންތަނުގައި ދިވެހިދައުލަތުގެ ނަމުގައި ދައުވާކުރުމާއި، ދައުވާ ލިބިގަތުމުގެ ބާރު، ވެރިކަން ހިންގާ ފަރާތަށް ލިބިގެންވެއެވެ.
އެގާރަވަނަ ބާބު
ކުއްލި ނުރައްކަލުގެ ހާލަތު
253 ވަނަ މާއްދާ – ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުން
ގުދްރަތީ ކާރިސާއެއް، ނުވަތަ ނުރައްކާތެރި ބަލިމަޑުކަމެއް، ނުވަތަ ހަނގުރާމައެއް، ނުވަތަ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ކުރިމަތިވެއްޖެ ނަމަ ނުވަތަ ބޭރުގެ ހަމަލައެއް ކުރިމަތިވެދާނެކަމުގެ ބިރުހީވެއްޖެނަމަ ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި، ނުވަތަ ކަނޑައެޅޭ ވަކި ސަރަހައްދެއްގައި ނުވަތަ ސަރަހައްދުތަކެއްގައި ތިރީސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.
254 ވަނަ މާއްދާ - ގަރާރުގައި ހިމަނާންޖެހޭ ކަންތައްތައް
ކުއްލިނުރައްކަލުގެ ހާލަތު އިއުލާންކުރުމަށްޓަކައި ނެރޭ ގަރާރުގައި ކުއްލިނުރައްކަލުގެ ހާލަތު އިއުލާންކުރާންޖެހުނު ސަބަބާއި، އެ ނުރައްކަލަކާ ގުޅިންގެން އަޅާންޖެހޭ އެންމެހައި ފިޔަވަޅުތައް ބަޔާންކުރާންވާނެއެވެ. އޭގެތެރޭގައި މި ގާނޫނުއަސާސީ ގެ 2 ވަނަ ބާބުގައި ކަނޑައެޅިފައިވާ ހައްގުތަކާއި މިނިވަންކަމުގެ ތެރެއިން ބައެއް ހައްގުތަކާއި މިނިވަންކަން ވަގުތީގޮތުން ހިފެހެއްޓުމާއި، ބައެއް ގާނޫނުތަކަށް އަމަލުކުރުން ވަގުތީ ގޮތުން ހުއްޓައިލުން ހިމެނިދާނެއެވެ.
255 ވަނަ މާއްދާ - ގަރާރުގެ ހުދޫދު
(ހ) ކުއްލި ނުރައްކަލުގެ ހާލަތުގައި ފިޔަވަޅުތައް އަޅާންވާނީ މި މާއްދާއާ ހިލާފުނުވާ ގޮތުގެމަތީންނެވެ.
(ށ) ކުއްލި ނުރައްކަލުގެ ހާލަތެއްގައިވެސް މި ގާނޫނުއަސާސީ ގެ އަންނަނިވި މާއްދާތަކުގައިވާ ހައްގުތަކާއި މިނިވަންކަން ހިފަހައްޓައިގެނެއް ނުވާނެއެވެ.
- 21 ވަނަ މާއްދާ (ދިރިހުރުމުގެ ހައްގު)
- 25 ވަނަ މާއްދާ (އަޅުވެތިނުކުރުމާއި ގަދަކަމުން މަސައްކަތް ނުކުރުވުން)
- 27 ވަނަ މާއްދާ (ހިޔާލުފާޅުކުރުމުގެ މިނިވަންކަން)
- 28 ވަނަ މާއްދާ (ނޫސްވެރިކަމުގެ މިނިވަންކަން)
- 42 ވަނަ މާއްދާ (އަދުލުވެރިކަމާއި ހާމަކަމާއެކު ށަރީއަތްކުރުން)
- 48 ވަނަ މާއްދާގެ (ށ) (ހައްޔަރުކުރެވޭ މީހުންނާއި ބަންދު ކުރެވޭ މީހުންގެ ހައްގުތައް)
- 51 ވަނަ މާއްދާ (ކުށެއް ކުރިކަމުގެ ދައުވާ އުފުލިފައިވާ މީހުންގެ ހައްގުތައް)
- 52 ވަނަ މާއްދާ (އިއުތިރާފާއި، ގާނޫނާ ހިލާފަށް ހޯދާ ހެކި)
- 53 ވަނަ މާއްދާ (ގާނޫނީ ވަކީލެއްގެ އެހީތެރިކަން)
- 54 ވަނަ މާއްދާ (ލާއިންސާނީ އަދަބު ނުދިނުން)
- 55 ވަނަ މާއްދާ (މަދަނީ މައްސަލަތަކުގައި ބަންދު ނުކުރުން)
- 57 ވަނަ މާއްދާ (ބަންދުކުރެވިފައިވާ މީހުންނާ އިހްތިރާމާއެކު މުއާމަލާތުކުރުން)
- 59 ވަނަ މާއްދާ (ގާނޫނުގައި ކުށެއްކަމަށް ކަނޑައެޅިފައިނުވާ ކަމަކަށް ފަހުން ހަދާ ގާނޫނަކުން އަދަބު ނުދިނުން)
- 60 ވަނަ މާއްދާ (އެއް ކުށަކަށް ދެފަހަރަށް އަދަބު ނުދިނުން)
- 62 ވަނަ މާއްދާ (އެހެނިހެން ހައްގުތައް ލިބިދިނުން)
- 64 ވަނަ މާއްދާ (ގައިރު ގާނޫނީ އަމުރުތަކަށް ތަބާނުވުމުގެ ހައްގު)
(ނ) މި ގާނޫނުއަސާސީ އާއި ގާނޫނުތަކުން ލިބިދޭ ހައްގުތަކާއި މިނިވަންކަމުގެ ތެރެއިން އެއްވެސް ހައްގެއް ނުވަތަ މިނިވަންކަމެއް ހިފަހައްޓާ ނަމަ އެކަން ކުރާންވާނީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކޮންމެހެން ހިފަހައްޓާން ޖެހިއްޖެ ހައްގެއް، ނުވަތަ މިނިވަންކަމެއް ކޮންމެހެން ހިފަހައްޓާން ޖެހިއްޖެ މިންވަރަކަށެވެ.
(ރ) ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅާ ފިޔަވަޅުތައް ވާންވާނީ، ދިވެހިރާއްޖެއިން އަމަލުކުރުން ލާޒިމުކުރާ ބައިނަލްއަގްވާމީ ގާނޫނުތަކުގައިވާ ގޮތުގެ މަތީން، ކުއްލިނުރައްކަލުގެ ހާލަތްތަކުގައި އަމަލުކުރާންޖެހޭ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތީން އަޅާ ފިޔަވަޅުތަކަކަށެވެ.
256 ވަނަ މާއްދާ - ގަރާރު ށާއިއުކުރުން
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށްނެރޭ ގަރާރު، ލަސްވެގެން ތިން ދުވަހުގެ ތެރޭގައި ދިވެހިސަރުކާރުގެ ގެޒެޓްގައި ށާއިއުކުރާންވާނެއެވެ.
257 ވަނަ މާއްދާ – ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން
(ހ) ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށް ނެރޭ ގަރާރު ސާޅީސް އަށް ގަޑިއިރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާންވާނެއެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރާ ވަގުތަކީ ރައްޔިތުންގެ މަޖިލީހުގެ ދައުރެއް ހިނގަމުންނުދާ ވަގުތެއް ނަމަ ބަންދު ދުވަސްތައް ވެސް ހިމަނައިގެން ސާދަ ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލިސް އެއްކޮށް އެ ގަރާރު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް އެ މަޖިލީހަށް ހުށަހަޅާންވާނެއެވެ.
(ށ) ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނެރެފައިވާ ގަރާރާ ގުޅިގެން ކޮންމެ ވަގުތެއްގައިމެ، އަންނަނިވި ކަންތައްތައް ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންވެއެވެ.
- ގަރާރުގެ ވަކިބައެއް ނުވަތަ މުޅި ގަރާރު އެކުގައި ފާސްކުރުން.
- މުއްދަތު އިތުރުކުރެވޭ ކޮންމެ ފަހަރަކު ތިރީސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ގަރާރުގެ މުއްދަތު އިތުރުކުރުން.
- ގަރާރު ބާތިލްކުރުން.
(ނ) ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރާ ގަރާރުގައިވާ މުއްދަތަށް ވުރެ ދިގު މުއްދަތަކަށް ކުއްލި ނުރައްކަލުގެ ހާލަތު ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިއްޖެ ހިނދެއްގައި އެ ގަރާރުގެ މުއްދަތު ހަމަވުމުގެ ކުރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ މަޖިލީހުން އެ މުއްދަތު އިތުރުކުރާން ފާސްކުރާން ވާނެއެވެ.
258 ވަނަ މާއްދާ – ގަރާރާ ގުޅިގެން އުފެދޭ މައްސަލަތަކުގައި ގޮތެއް ކަނޑައެޅުން
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރާ ގަރާރުގެ ނުވަތަ އެ ގަރާރުން ބައެއްގެ ސައްހަކަމާމެދު ނުވަތަ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ހަދާ ގާނޫނަކާމެދު، ނުވަތަ ނެރޭ އަމުރަކާމެދު ސުވާލުއުފެދިއްޖެ ހާލަތެއްގައި އެ ކަމާމެދު ގޮތެއް ކަނޑައަޅާނީ ސުޕްރީމްކޯޓުންނެވެ.
259 ވަނަ މާއްދާ – ގަރާރުގެ މުއްދަތު ހަމަވުމުން ނުވަތަ ގަރާރު ބާތިލްކުރުން
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށްޓަކައި ނެރޭ ގަރާރުގެ މުއްދަތު ހަމަވުމުން ނުވަތަ ރައްޔިތުންގެ މަޖިލީހުން އެ ގަރާރު ބާތިލްކުރުމުން އެ ގަރާރަށް އަމަލުކުރުމަށްޓަކައި ހަދައިފައިވާ އެންމެހައި ގާނޫނުތަކާއި ނެރެފައިވާ އެންމެހައި އަމުރުތައް ބާތިލްވާނެއެވެ.
260 ވަނަ މާއްދާ – ކުއްލި ނުރައްކަލުގެ ހާލަތު ނިމުނުކަން އިއުލާންކުރުން
ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ހަމަވުމުން ރައީސުލްޖުމްހޫރިއްޔާ އެކަން އިއުލާންކުރާންވާނެއެވެ.
ބާރަވަނަ ބާބު
ގާނޫނުއަސާސީ އިސްލާހުކުރުން
261 ވަނަ މާއްދާ – ގާނޫނުއަސާސީ އިސްލާހުކުރުން
ގާނޫނުއަސާސީ އަށް އިސްލާހެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަގުލަބިއްޔަތުން ފާސްކުރާ ގާނޫނަކުންނެވެ.
262 ވަނަ މާއްދާ – ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގުކުރުން
(ހ) ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ގާނޫނަކަށް ވާނީ ރައީސުލްޖުމްހޫރިއްޔާ އެ ބިލެއް ތަސްދީގު ކުރުމުންނެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތްކަމުގައި ވިޔަސް މި ގާނޫނުއަސާސީ ގެ އަންނަނިވި މާއްދާތަކަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އެއްވެސް ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރާންވާނީ އެ އިސްލާހެއް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއްގައި، އެ އިސްލާހެއް ގެނައުމަށް، ވޯޓުދިން މީހުންގެ އަގުލަބިއްޔަތު ލިބިއްޖެ ނަމައެވެ. އެ އިސްލާހެއް ގެނައުމަށް، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގައި ވޯޓުދިން މީހުންގެ އަގުލަބިއްޔަތު ނުލިބިއްޖެނަމަ އެ ބިލެއް ބާތިލްވީއެވެ.
- މި ގާނޫނުއަސާސީ ގެ 2 ވަނަ ބާބު ކަމުގައިވާ ”އަސާސީ ހައްގުތަކާއި މިނިވަންކަން“ މި ބާބުގައި ހިމެނޭ އެއްވެސް މާއްދާއެއް.
- މި ގާނޫނުއަސާސީ ގެ 79 ވަނަ މާއްދާގެ (ހ) (ރައްޔިތުންގެ މަޖިލީހުގެ އުމުރު)
- މި ގާނޫނުއަސާސީ ގެ 107 ވަނަ މާއްދާ (ރިޔާސަތުގެ ދައުރު) އާއި 108 ވަނަ މާއްދާ (ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާ ގޮތް)
263 ވަނަ މާއްދާ – ސަރުކާރުގެ ގެޒެޓްގައި ގާނޫނު ށާއިއުކުރުން
ގާނޫނުއަސާސީ އަށް އިސްލާހެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރުމަށްފަހު، އެ ގާނޫނަށް އަމަލުކުރާން ފަށާނީ އެ ގާނޫނު ސަރުކާރުގެ ގެޒެޓްގައި ށާއިއުކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުން ކަނޑައަޅައިފައިވާ ތާރީހަކުން ފެށިގެންނެވެ.
264 ވަނަ މާއްދާ – ރައީސުލްޖުމްހޫރިއްޔާ ތަސްދިގުނުކުރާ ބިލަކާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުން
(ހ) ގާނޫނުއަސާސީ އަށް އިސްލާހެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލެއް ތަސްދީގުކުރާން ރައީސުލްޖުމްހޫރިއްޔާއަށް ނުފެންނަ ނަމަ، އެ ބިލު ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާތާ ފަނަރަދުވަހުގެ ތެރޭގައި ސަބަބު ބަޔާންކޮށް އެކަން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އަންގާންވާނެއެވެ. ފަނަރަ ދުވަހުގެތެރޭގައި ރައްޔިތުންގެ މަޖިލީހަށް އެކަން ނާންގައިފިނަމަ ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަސްދީގުކުރީ ކަމުގައި ބަލާންވާނެއެވެ.
(ށ) ގާނޫނުއަސާސީ އަށް އިސްލާހެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ނުކޮށް ރައްޔިތުންގެ މަޖިލީހަށް އެކަން އަންގައިފިނަމަ އެ ބިލަކަށް ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނަގާންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގައި ވޯޓުދިން މީހުންގެ އަގުލަބިއްޔަތު އެ ބިލަކަށް ލިބިއްޖެނަމަ ފަނަރަ ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓްގައި ށާއިއުކުރާންވާނެއެވެ.
265 ވަނަ މާއްދާ - ބިލު ބާތިލްވުން
މި ގާނޫނުއަސާސީ އަށް އިސްލާހެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލަކާމެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގައި ވޯޓުދިން މީހުންގެ އަގުލަބިއްޔަތު އެ ބިލަކަށް ނުލިބިއްޖެނަމަ އެ ބިލެއް ބާތިލްވީއެވެ.
266 ވަނަ މާއްދާ – ބިލުގައި ހިމަނާންޖެހޭ ކަންތައްތައް
ގާނޫނުއަސާސީ އަށް އިސްލާހެއް ގެނައުމަށް ފާސްކުރާ ބިލެއްގައި، އެ ގެންނާންވީ އިސްލާހަކާއި އެ އިސްލާހަކާ ގުޅިގެން ކުރާންޖެހޭ ކަންތައްތައް ފިޔަވައި އިތުރު އެހެން އެއްވެސް ކަމެއް ހިމަނައިގެނެއް ނުވާނެއެވެ.
267 ވަނަ މާއްދާ – ގާނޫނުއަސާސީ އަށް އިސްލާހު ގެނެސްގެން ނުވާނޭ ވަގުތު
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ ވަގުތެއްގައި، ގާނޫނުއަސާސީ އަށް އެއްވެސް އިސްލާހެއް ގެނެސްގެނެއް ނުވާނެއެވެ.
ތޭރަވަނަ ބާބު
ގާނޫނުއަސާސީ އަށް އަމަލުކުރުމާއި މާނަކުރުން
268 ވަނަ މާއްދާ – ގާނޫނުއަސާސީގެ ބާރު
ދިވެހިރާއްޖޭގައި ހަދާ އެންމެހައި ގާނޫނުތައްހަދާންވާނީ މި ގާނޫނުއަސާސީ ގައި ބަޔާންވެގެންވާ ގޮތުގެމަތީންނެވެ. މި ގާނޫނުއަސާސީން ލާޒިމްކުރާ އެންމެހައި ކަންކަން ފުރިހަމަ ކުރާންވާނެއެވެ. މި ގާނޫނުއަސާސީ އާ ހިލާފުވާ ގޮތަށް ހަދާ ކޮންމެ ގާނޫނެއް، ނުވަތަ ގާނޫނަކުން ބައެއްވިޔަސް ވާނީ ބާތިލް އެއްޗަކަށެވެ. އަދި އެފަދަ ގާނޫނެއް، ނުވަތަ ގާނޫނެއްގެ ބައެއްގެ ބާރެއް ނުހިނގާނެއެވެ. މި ގާނޫނުއަސާސީ އާ ހިލާފަށް ކުރާ ކޮންމެ ކަމަކީ ބާތިލް ކަމެކެވެ.
269 ވަނަ މާއްދާ – އަމަލުކުރެވެމުންދާ ގާނޫނުތައް ސައްހަވުން
މި ގާނޫނުއަސާސީ އަށް އަމަލުކުރާން ފަށާއިރު އެމައްޗަށް އަމަލުކުރެވެމުންދާ، މި ގާނޫނުއަސާސީ އާ ތައާރުޒްނުވާ އެންމެހައި ގާނޫނުތަކަށް، ރައްޔިތުންގެ މަޖިލީހުން ބަދަލެއް ނުގެންނަހައި ހިނދަކު، އަމަލުކުރަމުން ގެންދާންވާނެއެވެ.
270 ވަނަ މާއްދާ – ބާތިލްވާ ގާނޫނުތަކުގެ ދަށުން ހިނގައިފައިވާ ކަންކަން
މި ގާނޫނުއަސާސީ އަށް އަމަލުކުރާން ފެށުމާއެކު، މި ގާނޫނުއަސާސީ އާ ތައާރުޒްވުމުގެ ސަބަބުން ގާނޫނެއް އުވިގެން ދިޔަކަމުގައި ވިޔަސް މި ގާނޫނުއަސާސީ ގައި އެހެންގޮތަކަށް ކަނޑައަޅައިފައި ނުވާހައި ހިނދަކު، މި ގާނޫނުއަސާސީ އަށް އަމަލުކުރާން ފެށުމުގެ ކުރީން، އެ ގާނޫނުގެ ދަށުން ލިބިފައިވާ ހައްގެއް ނުވަތަ ފުރިހަމަކުރާންޖެހޭ ޒިންމާއެއް ނުވަތަ ދީފައިވާ އަދަބެއް ބާތިލެއް ނުވާނެއެވެ.
271 ވަނަ މާއްދާ - ގާނޫނުން ބާރު ލިބިގެން ހަދާ ގަވާއިދު
ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ބާރުލިބިގެން ހަދާ ގަވާއިދަކީ ގާނޫނުން ބާރު ލިބިފައިވާ، އަދި ގާނޫނީ ބާރާއެކު ތަންފީޒުކުރެވޭނޭ އެއްޗެކެވެ. އަދި ރައްޔިތުން އެ މައްޗަށް އަމަލުކުރާންޖެހޭ އެންމެހައި ގަވާއިދުތަކަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން އެ ގަވާއިދުތައް ހެދުމުގެ ބާރު ލިބިގެން ހަދާ ގަވާއިދުތަކަކަށް ވާންވާނެއެވެ.
272 ވަނަ މާއްދާ – އުމުރާއި، މުއްދަތާއި ތާރީހު ކަނޑައެޅުން
މި ގާނޫނުއަސާސީ ގައި ބަޔާންވެގެންވާ އުމުރުތަކާއި، މުއްދަތުތަކާއި، ތާރީހުތައް ބަލާނީ މީލާދީ ކަލަންޑަރުންނެވެ.
273 ވަނަ މާއްދާ – ސުރުހީތައް
މި ގާނޫނުއަސާސީ ގައި ހިމަނައިފައިވާ އެއްވެސް ސުރުހީއަކީ އަދި އަރިމަތީ ސުރުހީއަކީ އަދި ފިހުރިސްތަކީ ގާނޫނުއަސާސީ ގެ ބައެއްނޫނެވެ. ފިހުރިސްތާއި ސުރުހީތައް ހިމަނައިފައި އެވަނީ ހަވާލާދިނުމުގެ ފަސޭހައަކަށެވެ.
274 ވަނަ މާއްދާ – މާނަކުރުން
(ހ) މި ގާނޫނުއަސާސީ ގައި، ލަފުޒެއް ނުވަތަ އިބާރާތެއް ހިމެނިފައިވާގޮތުން، އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަނުވާހައި ހިނދަކު:
”ހާޒިރުވެ ވޯޓުގައި ބައިވެރިވުން“ ކަމުގައި ބުނެފައި އެވަނީ، އެ ވޯޓެއް ނަގާ ވަގުތު، އެ ވޯޓެއް ނަގާ ޖަލްސާގައި ހާޒިރުވެ ތިބި މެންބަރުންގެ ތެރެއިން، ވޯޓުނެގި ކަމަކާ އެއްކޮޅަށް ނުވަތަ ދެ ކޮޅަށް ވޯޓު ދިނުމަށެވެ. ހާޒިރުވެ ވޯޓުގައި ބައިވެރިވި މީހުންގެ އަގުލަބިއްޔަތު ބެލުމުގައި، ވަކި ކޮޅަކަށް ވޯޓު ނުދޭ މެންބަރުންނެއް ނުގުނޭނެއެވެ.
”ރައްޔިތެއް“ ކަމުގައި ބުނެފައި އެވަނީ، މި ގާނޫނުއަސާސީ ގެ 9 ވަނަ މާއްދާގައި ދިވެހި ރައްޔިތެއް ކަމުގައި ބުނެފައިވާ ކޮންމެ މީހަކަށެވެ.
”ކޯޓު“ ކަމުގައި ބުނެފައި އެވަނީ، ފަނޑިޔާރަކު އިނދެގެން ނުވަތަ ފަނޑިޔާރުންތަކެއް ތިބެގެން ށަރީއަތްކުރުމަށް ގާނޫނުއަސާސީން، ނުވަތަ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން، ގާއިމްކޮށްފައިވާ ކޮންމެ ތަނަކަށެވެ.
އިހްތިސާސް“ ކަމުގައި ބުނެފައި އެވަނީ، އެ ފަރާތެއްގެ ބާރުހިނގާ ދާއިރާއަށާއި ކަންކަމަށެވެ.
އިންތިހާބު“ ކަމުގައި ބުނެފައި އެވަނީ، ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ހަދާ ގާނޫނުގެ ދަށުން އާންމުކޮށް ރައްޔިތުން ވޯޓުލައިގެން، އެކިއެކި ކައުންސިލްތަކަށް މެންބަރުން ހޮވުމަށް ބާއްވާއިންތިހާބުތަކަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް މީހުން ހޮވުމަށް ބާއްވާ އާންމު އިންތިހާބުތަކަށާއި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް މީހަކު ހޮވުމަށް ބާއްވާ ރިޔާސީ އިންތިހާބުތަކަށެވެ. އިންތިހާބުގެ މާނައިގައި މިއިން މަގާމެއް ހުސްވެގެން ވަކި ގޮނޑިއަކަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްށަންތައް ވެސް ހިމެނެއެވެ.
"އިސްލާމް ދީނުގެ އަސްލު" ކަމުގައި ބުނެފައި، އެވަނީ ކީރިތި ގުރުއާނާއާއި، މާތް ރަސޫލާގެ ސުންނަތުގައިވާ ކަންކަމުގެތެރެއިން، އެކަމެއްގެ ސައްހަކަމާމެދު ހިލާފު އުފެދިފައިނުވާ ށަރުއީ އުސޫލުތަކާއި މި ދެއަސްލުން ދޭހަކޮށްދޭ އުސޫލުތަކަށެވެ.
އިސްލާމީ ށަރީއަތް“ ކަމަށް ބުނެފައި އެވަނީ، ކީރިތި ގުރުއާނާއި، ސުންނަތުގައިވާ ޖިނާއީ، މަދަނީ، އަލްއަހްވާލުއްށަހްސިއްޔާ އާއި މިނޫންވެސް ކަންތައްތަކާ ގުޅިފައިވާ އަހްލުއްސުއްނަތި ވަލް ޖަމާއަތުގެ އިލްމުވެރިން ބުރަވެވަޑައިގަންނަވާ ގޮތަށެވެ.
”މީހެއް“ ނުވަތަ ”ފަރާތް“ ކަމުގައި ބުނެފައި އެވަނީ، ތަބީއީ ށަހްސުތަކާއި ގާނޫނީ ށަހްސުތަކަށެވެ.
މާލީ އެއްވެސް މަސްލަހަތެއް ބޭއްވުން“ ކަމުގައި ބުނެފައި އެވަނީ،އެކަމަކުން އެމީހެއްގެ މުދާވެރިކަމަށް ނުވަތަ ފައިސާވެރިކަމަށް އިތުރު ތަނަވަސްކަމެއް ހޯދިދާނެ، ނުވަތަ އެ މީހެއްގެ މުދާވެރިކަން ނުވަތަ ފައިސާވެރިކަން ގެއްލުމަކުން ރައްކާތެރިވެވިދާނެ ކަމެއް ކުރުމަށެވެ.
”ފަނޑިޔާރުން“ ކަމުގައި ބުނެފައި އެވަނީ، ސުޕްރީމްކޯޓާއި، ހައިކޯޓާއި، ދަށުކޯޓުތަކުގައި ށަރީއަތްކުރުމަށްޓަކައި މި ގާނޫނުއަސާސީ ގައިވާ ގޮތުގެމަތީން އައްޔަންކުރާ މީހުންނަށެވެ.
”ދުސްތޫރީ މައްސަލަ“ ކަމުގައި ބުނެފައި އެވަނީ، ގާނޫނުއަސާސީ ގެ މާއްދާއެއް ނުވަތަ މާއްދާއެއްގެ ބައެއްވިޔަސް މާނަކުރާން ޖެހިއްޖެނަމަ އެކަމުގައި ގޮތެއް ކަނޑައެޅުމަށްޓަކައި ބެލޭ މައްސަލަތަކާއި، ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ނުވަތަ ގަވާއިދެއް ނުވަތަ ގަވާއިދުން ބައެއް ނުވަތަ ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރެއް ނުވަތަ އެއިން އިދާރާއެއްގެ މުވައްޒަފަކު ކުރާ ކަމެއް ނުވަތަ ނިންމައިފައިވާ ނިންމުމެއްވިޔަސް ގާނޫނުއަސާސީ އާ ހިލާފުވޭތޯ ބަލައި، އެކަމުގައި ގޮތެއް ނިންމާން ޖެހިއްޖެ ކޮންމެ މައްސަލައަކަށެވެ.
”ދުށްމަން“ ކަމުގައި ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ސިޔާދަތަށް ނުވަތަ އިސްތިގްލާލަށް ގެއްލުންވާފަދަ އަމަލެއް ކުރާ ބިދޭސީންނަށެވެ. ”ދުށްމަން“ ގެ މާނައިގައި ރައްޔިތުންނެއް ނުހިމެނޭނެއެވެ.
”ގާނޫނު“ ކަމުގައި ބުނެފައި އެވަނީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށްފައިވާ ގާނޫނުތަކާއި، އެ ގާނޫނުތަކުން ބާރުލިބިގެން، އެ ގާނޫނުތަކުގެ އިމުގެ ތެރޭގައި ހަދާ ގަވާއިދުތަކަށެވެ.
”ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ކުރިމަތިވުން“ ކަމުގައި ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ސިޔާދަތަށް ނުވަތަ އިސްތިގްލާލަށް ނުވަތަ މީހުންގެ ޖިސްމާއި ފުރާނައަށް ނުވަތަ މުދަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތި ވުމަށެވެ. މީގެ ތެރޭގައި ޓެރަރިސްޓް ހަމަލާތަކާއި، ހަތިޔާރު ބޭނުންކޮށްގެން ހިންގާ އުދުވާނީ ހަރަކާތްތައް ހިމެނެއެވެ. އެހެންނަމަވެސް، ރައްޔިތުންނަށް ލިބިދޭ ގާނޫނީ ހައްގުތައް ބޭނުން ކޮށްގެން އެކި ކަންކަމަށް ތާއީދު ކުރުމަށް ނުވަތަ އިންކާރު ކުރުމަށް ގާނޫނާ ހިލާފުނުވެ ހިންގާ ސުލްހަވެރި ހަރަކާތްތަކެއް މީގެތެރޭގައި ނުހިމެނެއެވެ.
”ސަރަހައްދުގެ ރައްކާތެރިކަން“ ކަމުގައި ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ސަރަހައްދާއި، ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި ހިމެނޭ އެންމެހައި މީހުންނާއި ތަންތަނާއި ތަކެތީގެ ރައްކާތެރިކަމަށާއި، ދިވެހިރާއްޖޭގެ ސަރަހައްދުގައި ހިމެނޭ އެއްވެސް ބައެއް ދިވެހި ދައުލަތުގެ ބާރުގެ ދަށުން ނެއްޓިގެން ދިޔަ ނުދިނުމަށެވެ.
”ޓްރައިބިއުނަލް“ ކަމުގައި ބުނެފައި އެވަނީ، ދެފަރާތެއްގެ ދެމެދުގައި ނުވަތަ ގިނަ ފަރާތްތަކެއްގެ މެދުގައި ވަކިކަމަކާ ބެހޭގޮތުން ހިލާފު އުފެދިފައިވާ ހާލަތުގައި، އެކަމަކާމެދު ވަކިގޮތެއް ކަނޑައަޅައި ދިނުމަށްއެދި ހުށަހެޅުމުން، އެކަމަކާމެދު ވަކިގޮތެއް ކަނޑައެޅުމުގެ ބާރު ގާނޫނުން ލިބިފައިވާ، އަދި ކޯޓެއްކަމުގައި ނުހިމެނޭ ކޮންމެ މުއައްސަސާއަކަށެވެ.
”ޓެކްސް“ ނުވަތަ ”ޓެކުހެއް“ ކަމުގައި ބުނެފައި އެވަނީ، ދެވޭ ހިދުމަތެއް ނުވަތަ ކޮށްދެވޭ ކަމަކާ ގުޅިގެން، ގަވާއިދާ އެއްގޮތްވާގޮތުގެ މަތީން ނަގާ އަގެއް، ފީއެއް ނުވަތަ ކުއްޔެއް ފިޔަވައި، ދައުލަތަށް އާމްދަނީ އެއް ހޯދުމުގެ ބޭނުމުގައި، ފަރުދެއްގެ އަތުން ނުވަތަ ޖަމާއަތަކުން ނުވަތަ ގާނޫނީ އެނޫންވެސް ށަހްސަކުން، ސަރުކާރަށް ނެގޭ ކޮންމެ ފައިސާއަކަށެވެ.
(ށ) މި ގާނޫނުއަސާސީ ގައި މުފްރަދުކޮށް ގެނެސްފައިވާ ލަފުޒުތައް އެ ލަފުޒުތަކުގެ ޖަމްއު މާނައިގައްޔާއި ޖަމްއުކޮށް ގެނެސްފައިވާ ލަފުޒުތައް އެ ލަފުޒުތަކުގެ މުފްރަދު މާނައިގައި ބޭނުންކުރެވޭނެއެވެ.
ސާދަވަނަ ބާބު
އިންތިގާލީ ކަންތައްތަކާބެހޭ ބާބު
275 ވަނަ މާއްދާ - މިބާބަށް އަމަލުކުރުން
މި ބާބުގައި، އެހެންގޮތަކަށް ކަނޑައެޅިގެން ބަޔާންކޮށްފައިނުވާނަމަ:
(ހ) މި ބާބުގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް އަމަލުކުރެވޭނީ މި ގާނޫނުއަސާސީ ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލިސް އިންތިހާބުކޮށް އެމީހުން މަގާމާ ހަވާލުވާންދެނެވެ.
(ށ) އިންތިގާލީ މަރުހަލާގައި އަމަލުކުރެވޭނީ މި ގާނޫނުއަސާސީ ގައި އެކަމަކަށް ކަނޑައެޅިފައިވާ ގޮތަށެވެ.
276 ވަނަ މާއްދާ - އިލެކްށަންސް ކޮމިށަން
(ހ) މި ގާނޫނުއަސާސީ އަށް އަމަލުކުރާން ފަށާ ތާރީހުން ފެށިގެން ތިރީސް ދުވަހުގެ ތެރޭގައި، މި ބާބުގައިވާ ގޮތުގެމަތީން ފަސް މެންބަރުންގެ މައްޗަށް އެކުލެވިގެންވާ އިލެކްށަންސް ކޮމިށަނެއް އައްޔަންކުރާން ވާނެއެވެ.
(ށ) އިލެކްށަންސް ކޮމިށަނަށް މެންބަރުން އައްޔަންކުރާން ވާނީ އަންނަނިވި ގޮތުގެ މަތީންނެވެ.
- އިލެކްށަންސްކޮމިށަނަށް މެންބަރުން އައްޔަންކުރުމަށްޓަކައި، ކޮންމެ ސިޔާސީ ޕާޓީއަކުން އެއް ނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާންވާނެއެވެ.
- ސިޔާސީ ޕާޓީތަކުން ހުށަހަޅާ ނަންތަކުގެ ތެރެއިން އިލެކްށަންސް ކޮމިށަނަށް އައްޔަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ހޮވޭ ފަސް މީހެކެވެ.
- މި މާއްދާގެ (ށ) ގެ 2 ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ފަސް ނަން ފާސްނުވެއްޖެނަމަ، އެ މަދުވާ އަދަދަކަށް ނަން ހުށަހެޅުމުގެ ފުރުސަތު ދޭންވާނީ ފާސްނުވި ނަމެއް ނުވަތަ ނަންތަކެއް ހުށަހެޅި ސިޔާސީ ޕާޓީއަށް ނުވަތަ ސިޔާސީ ޕާޓީތަކަށެވެ.
- މި މާއްދާގެ (ށ) ގެ 1 ގައިވާ ގޮތުގެމަތީން ސިޔާސީ ޕާޓީތަކުން ހުށަހަޅާ މީހުންގެ ނަންތައް ފަސް ނަމަށްވުރެ މަދުވާނަމަ، އެ މަދުވާ އަދަދަކަށް ނަން ހުށަހެޅުމުގެ ފުރުސަތު ސިޔާސީ ޕާޓީތަކަށް އަލުން ދޭންވާނެއެވެ.
- އިލެކްށަންސް ކޮމިށަނަށް އައްޔަންކުރެވޭ މެންބަރުން، އެ ކޮމިށަނުގެ ރައީސަކަށް އެ ކޮމިށަނުގެ މެންބަރުންގެ ތެރެއިން މީހަކު އައްޔަންކުރާންވާނެއެވެ.
- މި ބާބުގެ ބޭނުމަށްޓަކައި ސިޔާސީ ޕާޓީ ކަމަށް ބުނެފައި އެވަނީ ރަޖިސްޓަރީވެފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން އިންތިހާބު ބާއްވައިގެން ޕާޓީގެ މަގާމްތަކަށް މީހުން އިންތިހާބުކޮށްފައިވާ ޕާޓީތަކަށެވެ.
277 ވަނަ މާއްދާ – އިލެކްށަންސް ކޮމިށަނުގެ މެންބަރުކަމަށް މަގާމް ހުސްވުން
މި ބާބުގައި ބަޔާންކޮށްފައިވާ އިލެކްށަންސް ކޮމިށަނުގެ މެންބަރުކަމުގެ މަގާމެއް އެއްވެސް ސަބަބަކާހުރެ ހުސްވެއްޖެނަމަ އެ މަގާމަށް އަލުން މެންބަރަކު އައްޔަންކުރުމުގައި އަމަލުކުރާންވާނީ މި ބާބުގައި އިލެކްށަންސް ކޮމިށަނަށް މެންބަރުން އައްޔަންކުރުމަށް ކަނޑައަޅައިފައިވާ ގޮތުގެމަތީންނެވެ.
278 ވަނަ މާއްދާ – އިލެކްށަންސް ކޮމިށަނުގެ މެންބަރުންގެ ށަރުތުތައް
(ހ) މި ބާބުގެ ދަށުން އައްޔަންކުރާ އިލެކްށަންސް ކޮމިށަނުގެ މެންބަރުންގެ ކިބައިގައި މި ގާނޫނުއަސާސީ ގެ 169 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާންވާނެއެވެ.
(ށ) އިލެކްށަންސް ކޮމިށަނުގެ މެންބަރަކު އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެގެނެއްނުވާނެއެވެ.
279 ވަނަ މާއްދާ – އިލެކްށަންސް ކޮމިށަނުގެ މަސްއޫލިއްޔަތުތައް
މި ބާބުގެ ދަށުން އައްޔަންކުރާ އިލެކްށަންސް ކޮމިށަނުގެ މަސްއޫލިއްޔަތަކީ މި ބާބުގެ ދަށުން ބާއްވާ އިންތިހާބުތަކާ ބެހޭގޮތުން ކުރާންޖެހޭ އެންމެހައި ކަންތައްތައްކޮށް، އެ އިންތިހާބުތައް ބާއްވައި، އެ އިންތިހާބުތަކުގެ ކަންތައްތައް ހިނގާނުހިނގާގޮތް ބަލައި، އެ އިންތިހާބުތަކުގެ ނަތީޖާ އިއުލާންކުރުމާއި، ސިޔާސީ ޕާޓީތަކާ ގުޅޭގޮތުން ކުރާންޖެހޭ ކަންތައްތައް ކުރުމާއި އަދި އިލެކްށަންސް ކޮމިށަނުން ކުރާންޖެހޭނޭ ކަމަށް މި ގާނޫނުއަސާސީ ގައި ބަޔާންކޮށްފައިވާ މިނޫންވެސް އެހެނިހެން ކަންތައްތައް އިންތިގާލީ މަރުހަލާގައި ކުރާންޖެހޭ މިންވަރަށް ކުރުމެވެ.
280 ވަނަ މާއްދާ – އިލެކްށަންސް ކޮމިށަނުގެ މުއްދަތު
މި ބާބުގެ ދަށުން އައްޔަންކުރާ އިލެކްށަންސް ކޮމިށަން ދެމި އޮންނާނީ މި ގާނޫނުއަސާސީ ގެ ”ރައްޔިތުންގެ މަޖިލިސް“ މި ބާބުގައިވާ ގޮތުގެމަތީން އިންތިހާބުކުރާ ރައްޔިތުންގެ މަޖިލިސް އިންތިހާބުކޮށް، މި ގާނޫނުއަސާސީ ގެ ”މުސްތަގިއްލު ކޮމިށަންތަކާއި މަގާމްތައް“ މި ބާބުގައި ބަޔާންކޮށްފައިވާ އިލެކްށަންސް ކޮމިށަން އައްޔަން ކުރާންދެންނެވެ.
281 ވަނަ މާއްދާ - ޖުޑީށަލް ސަރވިސް ކޮމިށަން
(ހ) މި ގާނޫނުއަސާސީ އަށް އަމަލުކުރާން ފަށާ ދުވަހުން ފެށިގެން ތިރީސް ދުވަހުގެ ތެރޭގައި އަންނަނިވި މީހުން ހިމެނޭ ގޮތުގެމަތީން ޖުޑީށަލް ސަރވިސް ކޮމިށަން ގާއިމްކޮށް ނިންމާންވާނެއެވެ.
- ސުޕްރީމްކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިހާބުކުރާ އުއްތަމަފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކު.
- ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިހާބުކުރާ ފަނޑިޔާރަކު.
- ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިހާބުކުރާ ފަނޑިޔާރަކު.
- ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމަޖިލީހުން ކަނޑައަޅާ މެންބަރަކު.
- އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކު.
- ސިވިލް ސަރވިސް ކޮމިށަނުގެ ރައީސް.
- ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މީހަކު.
- ދިވެހިރާއްޖޭގައި ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަލިބިފައިވާ ވަކީލުންގެ ތެރެއިން އެބައިމީހުން އިންތިހާބުކުރާ ގާނޫނީ ވަކީލަކު.
(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، ޖުޑީށަލް ސަރވިސް ކޮމިށަނުގައި ހިމެނޭ ސުޕްރީމްކޯޓުގެ ފަނޑިޔާރު، އެ ކޮމިށަނަށް އައްޔަންކުރާނީ، މި ބާބުގައިވާ ގޮތުގެމަތީން ސުޕްރީމްކޯޓަށް ފަނޑިޔާރުން އައްޔަންކޮށް ނިމުމުންނެވެ.
(ނ) މިމާއްދާގެ ދަށުން ގާއިމުކުރާ ޖުޑީށަލް ސަރވިސް ކޮމިށަން ދެމިއޮންނާނީ ދެން އިންތިހާބުކުރެވޭ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ނިމިގެން މި ގާނޫނުއަސާސީ ގައި ބަޔާންކޮށްފައިވާ ޖުޑީށަލް ސަރވިސް ކޮމިށަން އެކުލަވައިލެވެންދެނެވެ.
282 ވަނަ މާއްދާ – ސުޕްރީމްކޯޓު
(ހ) މި ގާނޫނުއަސާސީ ގެ ދަށުން ހުށަހެޅޭ މައްސަލަތަކާއި ދިވެހިރާއްޖޭގެ ހައިކޯޓުން ނިމި އިސްތިއުނާފަށް ހުށަހެޅޭ މައްސަލަތައް ބެލުމަށްޓަކައި ފަސް ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ސުޕްރީމްކޯޓެއް މި ގާނޫނުއަސާސީ އަށް އަމަލުކުރާން ފަށާ ތާރީހުން ފެށިގެން ސާޅީސްފަސް ދުވަހުގެ ތެރޭގައި އުފައްދާންވާނެއެވެ.
(ށ) މި ބާބުގެ ދަށުން ސުޕްރީމްކޯޓު އުފެދި އުއްތަމަފަނޑިޔާރުގެ މަސްއޫލިއްޔަތު އަދާކުރާނޭ މީހަކު މިމާއްދާގެ (ނ) ގައިވާ ގޮތުގެމަތީން އައްޔަން ކުރެވެންދެން އަދުލު އިންސާފު ގާއިމް ކުރުމުގެ އެންމެ އިސްފަރާތަކަށް ހުންނާނީ ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ ފަނޑިޔާރުން ކަނޑައަޅާ ފަނޑިޔާރެކެވެ.
(ނ) މި ގާނޫނުއަސާސީ ގައިވާ ގޮތުގެމަތީން އެކުލަވައިލެވޭ ޖުޑީށަލް ސަރވިސް ކޮމިށަނުގެ ލަފާގެ މަތީން އާ ރައްޔިތުންގެ މަޖިލީހުން، މި ގާނޫނުއަސާސީ ގެ 147 ވަނަ މާއްދާ ގައި ބަޔާންކޮށްފައިވާގޮތަށް އުއްތަމަފަނޑިޔާރު އައްޔަންކުރެވެންދެން އެ މަގާމްގެ މަސްއޫލިއްޔަތު އަދާކުރާނީ މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ސުޕްރީމްކޯޓަށް އައްޔަންކުރެވޭ ފަނޑިޔާރުންގެ ތެރެއިން އެ ފަނޑިޔާރުން ކަނޑައަޅާ ފަނޑިޔާރެކެވެ.
(ރ) މިގާނޫނުއަސާސީ އަށް އަމަލުކުރާން ފަށާއިރު ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސަށް ހުށަހެޅި ނުނިމި ހުރި މައްސަލަތަކަކީ އެހިނދުން ފެށިގެން ސުޕްރީމްކޯޓަށް ހުށަހެޅި އެކޯޓުގައި ހުރި މައްސަލަތަކެއްކަމަށް ބެލެވޭނެއެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުން ނިމޭ މައްސަލަތައް ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސް ކުރުމުގެ ފުރުސަތު އެހިނދުން ފެށިގެން ނިމުމަކަށް އަންނާނެއެވެ.
(ބ) މި ބާބުގެ ދަށުން އުފައްދާ ސުޕްރީމްކޯޓަށް އިސްތިއުނާފް ކުރުމާބެހޭ އުސޫލުތައް ކަނޑައެޅުމުގައި ތިރީގައިވާ މައްސަލަތައް އިސްތިއުނާފުކުރުމުގެ ފުރުސަތު ދޭންވާނެއެވެ.
- ހައިކޯޓުން ނިމިފައިވާ މައްސަލަތަކުގެ ތެރެއިން މި ގާނޫނުއަސާސީ އަށް އަމަލުކުރާންފަށާ ތާރީހާއި މި ބާބުގެ ދަށުން ސުޕްރީމްކޯޓު އުފައްދާ ތާރީހާ ދެމެދު އިސްތިއުނާފް ކުރުމުގެ ފުރުސަތު ގެއްލިފައިވާ މައްސަލަތައް.
- މި ގާނޫނުއަސާސީ އަށް އަމަލުކުރާންފަށާ ތާރީހާއި މި ބާބުގެ ދަށުން ސުޕްރީމްކޯޓު އުފައްދާ ތާރީހާ ދެމެދު ހައިކޯޓުން ނިންމައިފައިވާ މައްސަލަތައް.
283 ވަނަ މާއްދާ – ސުޕްރީމްކޯޓަށް ފަނޑޔާރުން އައްޔަނުކުރުން
(ހ) މި ބާބުގެ ދަށުން ގާއިމްކުރާ ސުޕްރީމްކޯޓަށް ފަނޑިޔާރުން އައްޔަންކުރާނީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާއެވެ. މިގޮތުން ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރާ މީހުން ކަނޑައަޅާނީ، މި ބާބުގެ ދަށުން އުފައްދާ ޖުޑީށަލް ސަރވިސް ކޮމިށަނުގެ މަށްވަރާގެ މަތީން ރައްޔިތުންގެ މަޖިލީހަށް ނަންތައް ހުށަހެޅުމަށްފަހު އެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުދިން މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން އެ ނަންތައް ފާސްވުމުންނެވެ.
(ށ) މި ބާބުގެ ދަށުން އައްޔަންކުރެވޭ ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ ކިބައިގައި މި ގާނޫނުއަސާސީ ގެ 149 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާންވާނެއެވެ.
284 ވަނަ މާއްދާ - ސުޕްރީމްކޯޓުގެ މުއްދަތު
މި ގާނޫނުއަސާސީ ގެ 145 ވަނަ މާއްދާގައި ބަޔާންވެގެންވާ ސުޕްރީމްކޯޓް ގާއިމްކުރެވެންދެން މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން އުފައްދާ ސުޕްރީމްކޯޓު ދެމި އޮންނާނެއެވެ.
285 ވަނަ މާއްދާ - ފަނޑިޔާރުން މަގާމުގައި ދެމިތިބުން
(ހ) މި ގާނޫނުއަސާސީ އަށް އަމަލުކުރާން ފަށާއިރު ތިބި ފަނޑިޔާރުންގެ ތެރެއިން އުއްތަމަފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރުން މި މާއްދާގެ ދަށުން ގޮތެއް ކަނޑައަޅަންދެން ފަނޑިޔާރުކަމުގެ މަގާމުގައި ދެމިތިބޭނެއެވެ.
(ށ) މި ގާނޫނުއަސާސީ އަށް އަމަލުކުރާން ފަށާއިރު ތިބި ފަނޑިޔާރުންގެ ކިބައިގައި، މި ގާނޫނުއަސާސީ ގެ 149 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާކަން ނުވަތަ ނޫންކަން، މި ގާނޫނުއަސާސީ ގެ 157 ވަނަ މާއްދާގައި ބަޔާންކުރާ ޖުޑީށަލް ސަރވިސް ކޮމިށަނުން، މި ގާނޫނުއަސާސީ އަށް އަމަލުކުރާން ފަށާތާ ގިނަވެގެން ދެ އަހަރު ދުވަހުގެ ތެރޭގައި ކަނޑައަޅާންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތީން ބަލާބެލުމުގައި ފަނޑިޔާރެއްގެ މަގާމުގައި ހުރި މީހެއްގެ ކިބައިގައި މި ގާނޫނުއަސާސީ ގެ 149 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތެއް ނުވަތަ ށަރުތުތަކެއް ފުރިހަމަނުވާކަމަށް ކަނޑައަޅައިފިނަމަ، އެ މީހަކު އެހިނދުން ފެށިގެން ފަނޑިޔާރުކަމުގެ މަގާމުން ވަކިވާނެއެވެ.
(ރ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތީން ބަލާބެލުމުގައި، ފަނޑިޔާރެއްގެ މަގާމުގައި ހުރި މީހެއްގެ ކިބައިގައި، މި ގާނޫނުއަސާސީ ގެ 149 ވަނަ މާއްދާ ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާކަމަށް ކަނޑައަޅައިފިނަމަ، އެ މީހަކު މި ގާނޫނުއަސާސީ ގެ ދަށުން ފަނޑިޔާރުކަމަށް އައްޔަންކުރާންވާނެއެވެ.
(ބ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން މަގާމުން ވަކިވާވަކިވުން ފިޔަވައި، ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ހަމައެކަނި މި ގާނޫނުއަސާސީ ގެ 154 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
286 ވަނަ މާއްދާ - އެހެނިހެން ކޯޓުތައް
މި ގާނޫނުއަސާސީ އަށް އަމަލުކުރާން ފަށާއިރު ހިނގަމުން އައި ކޯޓުތައް، މި ގާނޫނުއަސާސީ ގެ 141 ވަނަ މާއްދާގެ ދަށުން އުފައްދާ ކޯޓުތައް އުފައްދާންދެން އެގޮތުގައި ދެމި ހުންނާނެއެވެ.
287 ވަނަ މާއްދާ - ކޯޓުތަކުގެ އިހްތިސާސް
މި ބާބުގެ ދަށުން ގާއިމްކުރާ ސުޕްރީމްކޯޓަށާއި، މި ގާނޫނުއަސާސީ އަށް އަމަލުކުރާން ފަށާއިރު ހިނގަމުންއައި ކޯޓުތަކަށް ހުށަހެޅި ނުނިމިހުރި މައްސަލަތަކަކީ، މި ގާނޫނުއަސާސީ ގެ ދަށުން އުފައްދާ ކޯޓުތަކަށް ހުށަހެޅި، އެ ކޯޓުތަކުގައި ހުރި މައްސަލަތަކެއް ކަމަށް ބެލެވޭނެއެވެ.
288 ވަނަ މާއްދާ - ޕްރޮސިކިއުޓަރ ޖެނެރަލް
(ހ) މި ގާނޫނުއަސާސީ އަށް އަމަލުކުރާން ފަށާ ތާރީހުން ފެށިގެން ތިރީސް ދުވަހުގެ ތެރޭގައި، މި ގާނޫނުއަސާސީ ގައިވާ ގޮތުގެމަތީން ޕްރޮސިކިއުޓަރ ޖެނެރަލް އައްޔަންކުރާން ވާނެއެވެ.
(ށ) މި ބާބުގައިވާ ގޮތުގެމަތީން ޕްރޮސިކިއުޓަރ ޖެނެރަލް އައްޔަންކޮށް އޭނާ މަގާމާ ހަވާލުވާންދެން މި ބާބުގައި ބަޔާންކޮށްފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރާނީ ބަންޑާރަނައިބެވެ. މިގޮތުގެމަތީން ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތު ބަންޑާރަނައިބަށް އަދާކުރެވޭނީ ގިނަވެގެން ތިރީސް ދުވަސް ވާންދެންނެވެ.
(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް މީހަކު އައްޔަންކުރާނީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާއެވެ. މިގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް އައްޔަންކުރާ މީހަކު ކަނޑައަޅާނީ، މި ގާނޫނުއަސާސީ އަށް އަމަލުކުރާން ފަށާ ތާރީހުން ފެށިގެން ފަނަރަ ދުވަހުގެ ތެރޭގައި އެ މީހެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުދިން މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން އެ ނަން ފާސްވުމުންނެވެ.
289 ވަނަ މާއްދާ - އެންޓި-ކޮރަޕްށަން ކޮމިށަން
މި ގާނޫނުއަސާސީ އަށް އަމަލުކުރާން ފަށާ ތާރީހުން ފެށިގެން ފަސްދޮޅަސް ދުވަހުގެ ތެރޭގައި، މި ގާނޫނުއަސާސީގައިވާ އެންޓި-ކޮރަޕްށަން ކޮމިށަނެއް އުފައްދަންވާނެއެވެ.
290 ވަނަ މާއްދާ - މުސްތަގިއްލު ކޮމިށަންތައް
މި ގާނޫނުއަސާސީ ގެ ދަށުން އިންތިހާބުކުރާ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވާތާ ފަސްދޮޅަސް ދުވަހުގެ ތެރޭގައި މި ގާނޫނުއަސާސީ ގައިވާ ގޮތުގެމަތީން އިލެކްށަންސް ކޮމިށަނާއި، އެންޓި-ކޮރަޕްށަން ކޮމިށަނާއި، ޕްރޮސިކިއުޓަރ ޖެނެރަލް އައްޔަންކުރާންވާނެއެވެ.
291 ވަނަ މާއްދާ - ގާނޫނުތައް ދެމިއޮތުން
މި ގާނޫނުއަސާސީ އަށް އަމަލުކުރާން ފަށާއިރު އަމަލުކުރަމުންދާ ގާނޫނުތަކުގެ ތެރެއިން މި ގާނޫނުއަސާސީ އާ ތައާރުޒް ނުވާ ގާނޫނުތަކަށް އަމަލު ކުރެވެމުންދާނެއެވެ.
292 ވަނަ މާއްދާ – ގާނޫނުއަސާސީއަށް އިސްލާހެއް ނުގެނައުން
މި ގާނޫނުއަސާސީގެ ދަށުން ފުރަތަމަ އިންތިހާބުކުރެވޭ ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކުރެވޭ މީހުން، އެ މީހުންގެ މަގާމުތަކާ ހަވާލުވުމުގެ ކުރީން މި ގާނޫނުއަސާސީ އަށް އެއްވެސް އިސްލާހެއް ގެނެސްގެނެއް ނުވާނެއެވެ.
293 ވަނަ މާއްދާ - އަމަލުކުރާން ފެށުން
(ހ) މި ގާނޫނުއަސާސީ އަށް އަމަލުކުރާން ފަށާނީ، މި ގާނޫނުއަސާސީ ރައްޔިތުންގެ ހާއްސަ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓްގައި ށާއިއުކުރުމުންނެވެ.
(ށ) މި ގާނޫނުއަސާސީ އަށް އަމަލުކުރާން ފެށުމުން 1998 ޖެނުއަރީ 1 ވަނަ ދުވަހު އަމަލުކުރާން ފަށާފައިވާ ”ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ “ އުވުނީއެވެ.
(ނ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، މި ގާނޫނުއަސާސީ ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލިސް އިންތިހާބުކުރެވެންދެން މި ބާބުގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް އަމަލުކުރާންވާނީ މި ބާބުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ގޮތަށެވެ.
294 ވަނަ މާއްދާ - ރައްޔިތުންގެ މަޖިލިސް ދެމިއޮތުން
(ހ) ރައްޔިތުންގެ މަޖިލީހެއް ހޮވުމަށް މި ގާނޫނުއަސާސީ ގެ ދަށުން އޮންނަ ފުރަތަމަ އިންތިހާބު ބާއްވައި މި ގާނޫނުއަސާސީ ގައިވާ ގޮތުގެމަތީން އެ މަޖިލީހަށް މެންބަރުން އިންތިހާބުކޮށް އެ މީހުން މެންބަރުކަމާ ހަވާލުވާންދެން، މި ގާނޫނުއަސާސީ އަށް އަމަލުކުރާންފަށާއިރު އޮތް ރައްޔިތުންގެ މަޖިލިސް ދެމިއޮންނާނެއެވެ.
(ށ) މި ގާނޫނުއަސާސީ ތަސްދީގުކުރުމަށްފަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި އެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުގެ ރައީސަކާއި ނައިބުރައީސެއް، އެ މަޖިލީހުގެ ސިއްރު ވޯޓަކުން އިންތިހާބު ކުރާންވާނެއެވެ. މަޖިލީހުގެ ރައީސާއި ނައިބުރައީސް އިންތިހާބުކުރެވެންދެން އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ އެ ޖަލްސާއަށް ހާޒިރުވެ ތިބި މެންބަރުންގެ ތެރެއިން މަޖިލީހުގެ މެންބަރުކަމުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެންބަރެކެވެ. މެންބަރުކަމުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ ގިނަ މެންބަރުންތަކެއް ތިބި ނަމަ އެ މެންބަރުންގެ ތެރެއިން އުމުރުން އެންމެ ދޮށީ މެންބަރެކެވެ.
(ނ) މި ގާނޫނުއަސާސީ ގެ ދަށުން އިންތިހާބުކުރާ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވާ ތާރީހާއި އިންތިގާލީ މަރުހަލާގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ހުސްވާ ތާރީހާ ދެމެދު ހަމަސް ދުވަހުގެ މުއްދަތެއް އޮތްނަމަ އެ ގޮނޑިއަށް އަލުން މެންބަރަކު އިންތިހާބުކުރާންވާނެއެވެ.
295 ވަނަ މާއްދާ – ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް
(ހ) ރައްޔިތުންގެ މަޖިލީހުން އަންނަނިވި ކަންތައްތައް ކުރާންވާނެއެވެ.
- މި ބާބުގައި ބަޔާންކޮށްފައިވާ އިންތިހާބުތައް، މިބާބުގައި ކަނޑައަޅައިފައިވާ ގޮތުގެމަތީން ބޭއްވުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކުރާންޖެހޭ އެންމެހައި ކަންތައްތައް ކުރުން.
- މި ގާނޫނުއަސާސީ އާ ތައާރުޒްވާ ގާނޫނުތަކަކީ ކޮބައިތޯ ބަލައި އެގާނޫނުތައް އިސްލާހުކުރުމަށް ނުވަތަ އުވައިލުމަށް ކުރާންޖެހޭ ކަންތައްތައް ކުރުން.
- މި ގާނޫނުއަސާސީ ގެ ދަށުން ހަދާންޖެހޭ ގާނޫނުތައް ހަދައި ފާސްކުރުން.
- ވެރިކަންހިންގުމުގެ ކަންތައްތަކާއި، އަދުލު އިންސާފު ގާއިމްކުރުމުގެ ކަންތައްތަކާއި، ދުވަހުން ދުވަހަށް ކުރާންޖެހޭ އެނޫންވެސް ކަންތައްތައް ރަނގަޅަށް ހިންގުމަށްޓަކައި ހަދާންޖެހޭ ގާނޫނުތައް ހެދުން.
(ށ) ރައްޔިތުންގެ މަޖިލީހަށް މިހާތަނަށް ހުށަހެޅިފައިވާ މި ގާނޫނުއަސާސީ އާ ތައާރުޒްނުވާ ބިލުތަކާއި އެހެނިހެން މައްސަލަތަކާގުޅޭ މަސައްކަތްތައް އެ މަޖިލީހުން ކުރިއަށް ގެންދާންވާނެއެވެ.
296 ވަނަ މާއްދާ - ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު
(ހ) މި ގާނޫނުއަސާސީ ގެ ދަށުން ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް ބާއްވާ ފުރަތަމަ އިންތިހާބު 2009 ފެބްރުއަރީ 15 ވަނަ ދުވަހުގެ ކުރީން ބާއްވާންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން އިންތިހާބުކުރެވޭ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެމީހުންގެ މަގާމްގެ ހުވައިކޮށް އެމަގާމްތަކާ ހަވާލުވުމަށްފަހު، މި ގާނޫނުއަސާސީ ގެ ދަށުން އިންތިހާބުކުރާ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ 2009 މާރޗް 1 ވަނަ ދުވަހުގެ ކުރީން ބާއްވާންވާނެއެވެ.
297 ވަނަ މާއްދާ – އެހެނިހެން މަގާމްތަކާއި މުއައްސަސާތައް ދެމިއޮތުން
(ހ) މި ބާބުގައި ވަކިގޮތަކަށް ކަނޑައަޅައިފައިވާ ކަންތައްތައް ފިޔަވައި، މި ގާނޫނުއަސާސީ އަށް އަމަލުކުރާން ފަށާތާ އެންމެ ގިނަވެގެން ދެ އަހަރު ދުވަހުގެ ތެރޭގައި މި ގާނޫނުއަސާސީ ގައިވާ ގޮތަށް މަގާމްތަކަށް މީހުން އިންތިހާބުކޮށް ނުވަތަ އައްޔަންކޮށް ނިންމައި، އަދި މި ގާނޫނުއަސާސީ ގައި ބަޔާންކޮށްފައިވާ މުއައްސަސާތައް މި ގާނޫނުއަސާސީ ގައި ބަޔާންކޮށްފައިވާ ގޮތަށް އުފައްދައި ނުވަތަ ގާއިމްކޮށް ނިންމާންވާނެއެވެ.
(ށ) މި ގާނޫނުއަސާސީ ގައި ބަޔާންކޮށްފައިވާ އެންމެހައި މަގާމްތަކަށް މި ގާނޫނުއަސާސީ ގައި ނުވަތަ މި ބާބުގައި ބަޔާންކޮށްފައިވާ ގޮތަށް މީހުން އިންތިހާބުކޮށް ނުވަތަ އައްޔަންކޮށް ނިމެންދެން މި ގާނޫނުއަސާސީ އަށް އަމަލުކުރާން ފަށާއިރު އައްޔަންކޮށްފައިވާ ނުވަތަ އިންތިހާބުކޮށްފައިވާ މީހުން އެ މީހުންގެ މަގާމްގައި ދެމިތިބޭނެއެވެ.
(ނ) މި ގާނޫނުއަސާސީ ގައި ބަޔާންކޮށްފައިވާ މުއައްސަސާތައް މި ގާނޫނުއަސާސީ ގައި ނުވަތަ މި ބާބުގައި ބަޔާންކޮށްފައިވާ ގޮތަށް އުފެއްދެންދެން މި ގާނޫނުއަސާސީ އަށް އަމަލުކުރާން ފަށާއިރު އުފައްދާފައިވާ ނުވަތަ ގާއިމްކޮށްފައިވާ އެފަދަ މުއައްސަސާތައް ދެމިހުންނާނެއެވެ.
298 ވަނަ މާއްދާ – ލާމަރުކަޒީ އުސޫލުން އިދާރީ ދާއރާތައް ހިންގުން
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި، މި ގާނޫނުއަސާސީ ގައިވާ ގޮތުގެމަތީން އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް އިންތިހާބުކުރުމަށް ބާއްވާ އިންތިހާބު 2009 ޖުލައި 1 ވަނަ ދުވަހުގެ ކުރީން ބާއްވައި ނިންމާންވާނެއެވެ.
299 ވަނަ މާއްދާ - ގާނޫނުއަސާސީ އަށް ކިޔަމަންގަތުން
(ހ) ވެރިކަން ހިންގާ ފަރާތުންނާއި ރައްޔިތުންގެ މަޖިލީހުންނާއި އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުންނާއި މުސްތަގިއްލު ކޮމިށަންތަކުންނާއި މުސްތަގިއްލު މަގާމްތަކުގައި ތިބި މީހުންނާއި ދައުލަތުގެ މުއައްސަސާ ތަކުންނާއި ދައުލަތުގެ މަގާމްތަކާ ހަވާލުވެ ތިބި މީހުންނާއި އެންމެހައި ރައްޔިތުން މި ގާނޫނުއަސާސީ އަށް އަމަލުކުރާން ފެށުމާއެކު މި ގާނޫނުއަސާސީ ގައިވާ އެންމެހައި ކަންތައްތަކަށް ފުރިހަމައަށް ކިޔަމަންވެ އަމަލުކުރާންވާނެއެވެ. ގާނޫނެއް ހެދިފައި ނެތުމަކީ މި ގާނޫނުއަސާސީ ގައި ބަޔާންކޮށްފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަމަށް ބުރުލެއް އަރާފަދަ އަމަލެއް ހުއްދަ ވާނޭކަމެއް ނޫނެވެ.
(ށ) މި މާއްދާގެ (ހ) އެހެންއޮތް ނަމަވެސް:
- މި ގާނޫނުއަސާސީއަށް އަމަލުކުރާން ފަށާއިރު އަމަލުކުރަމުންދާ ގާނޫނުތަކުގައިވާ ކަންތައްތަކުގެ ތެރެއިން މި ގާނޫނުއަސާސީ އާ ތައާރުޒްވާ ކަންކަން ފާހަގަކޮށް، އެ ގާނޫނުތައް އިސްލާހު ކުރެވެންދެން ނުވަތަ އުވައިލެވެންދެން އަމަލުކުރާނެ ގޮތެއް، ރައްޔިތުންގެ މަޖިލީހުން ފާސްކުރާންވާނެއެވެ. މިގޮތުން މި ގާނޫނުއަސާސީ އާ ތައާރުޒްވާ ގާނޫނުތަކާއި ގާނޫނުތަކުގެ ބައިތަކުގެ ލިސްޓެއް، މި ގާނޫންއަސާސީ އަށް އަމަލުކުރާން ފަށާތާ ތިރީސް ދުވަހުގެ ތެރޭގައި ވެރިކަން ހިންގާފަރާތުން ތައްޔާރުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާން ވާނެއެވެ. އަދި އެ ގާނޫނުތައް އިސްލާހުކުރާނެ ނުވަތަ އުވައިލާނެ މަރުހަލާތައް މި ގާނޫނުއަސާސީ އަށް އަމަލުކުރާން ފަށާތާ ނުވަދިހަ ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރާންވާނެއެވެ.
- މި ގާނޫނުއަސާސީ އަށް އަމަލުކުރުމަށްޓަކައި ހަދާންޖެހޭ ގާނޫނުތައް ހަދައި އެ ގާނޫނުތަކަށް އަމަލުކުރާން ފަށަންދެން އެކަންކަމާގުޅޭގޮތުން އަމަލުކުރާނެ ގޮތެއް، ރައްޔިތުންގެ މަޖިލީހުން ފާސްކުރާންވާނެއެވެ. މިގޮތުން މި ގާނޫނުއަސާސީ ގެ ދަށުން ހަދާންޖެހޭ ގާނޫނުތަކުގެ ލިސްޓެއް، މި ގާނޫނުއަސާސީ އަށް އަމަލުކުރާން ފަށާތާ ތިރީސް ދުވަހުގެ ތެރޭގައި ވެރިކަން ހިންގާފަރާތުން ތައްޔާރުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާންވާނެއެވެ. އަދި އެ ގާނޫނުތައް ހަދާ އަމަލުކުރާން ފަށާނެ މަރުހަލާތައް މި ގާނޫނުއަސާސީ އަށް އަމަލުކުރާން ފަށާތާ ނުވަދިހަ ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރާންވާނެއެވެ.
300 ވަނަ މާއްދާ - ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ދެމިހުރުމާއި ވަޒީރުންގެ މަޖިލިސް ދެމިއޮތުން
(ހ) މި ގާނޫނުއަސާސީ ގެ ދަށުން އޮންނަ ފުރަތަމަ ރިޔާސީ އިންތިހާބު ބާއްވައި ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް މީހަކު އިންތިހާބުކޮށް އެ މީހަކު އެ މަގާމާ ހަވާލުވާންދެން، މި ގާނޫނުއަސާސީ އަށް އަމަލުކުރާން ފަށާއިރު ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައިހުރި ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަގާމުގައި ދެމިހުންނާނެއެވެ.
(ށ) މި ގާނޫނުއަސާސީ ގެ ދަށުން އޮންނަ ފުރަތަމަ ރިޔާސީ އިންތިހާބު ބާއްވައި ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް މީހަކު އިންތިހާބުކޮށް އެ މީހަކު އެ މަގާމާ ހަވާލުވާންދެން، މި ގާނޫނުއަސާސީ އަށް އަމަލުކުރާން ފަށާއިރު ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުރި ރައީސުލްޖުމްހޫރިއްޔާ އައްޔަންކޮށްފައިވާ ވަޒީރުންގެ މަޖިލިސް ދެމިއޮންނާނެއެވެ. އަދި އެ މަޖިލީހަށް ބަދަލުގެނައުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.
(ނ) މި ގާނޫނުއަސާސީގެ ދަށުން އޮންނަ ފުރަތަމަ ރިޔާސީ އިންތިހާބަށްފަހު އައްޔަންކުރާ ވަޒީރުންގެ މަޖިލީހުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިމެނިގެނެއް ނުވާނެއެވެ.
301 ވަނަ މާއްދާ - ރިޔާސީ އިންތިހާބު
(ހ) މި ގާނޫނުއަސާސީ ގެ ދަށުން ބާއްވާ ފުރަތަމަ ރިޔާސީ އިންތިހާބު 2008 އޮކްޓޯބަރ 10 ވަނަ ދުވަހުގެ ކުރީން ބާއްވައި ނިންމާންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން އިންތިހާބުކުރެވޭ ރައީސުލްޖުމްހޫރިއްޔާ 2008 ނޮވެމްބަރ 11 ވަނަ ދުވަހު އޭނާގެ މަގާމްގެ ހުވައިކޮށް އެ މަގާމާ ހަވާލުވާންވާނެއެވެ.
--------------------
ޖަދުވަލުތައް
ޖަދުވަލު 1
އެކިއެކި މަގާމުގެ ހުވައި
1. ރައީސުލްޖުމްހޫރިއްޔާގެ ހުވައި
”އަހުރެން .......... (މީހާގެ ނަން) .......... އިސްލާމްދީނަށް ހުރްމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށާއި، ދިވެހި ގައުމަށް އިހްލާސްތެރިވުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތްވާ ގޮތުގެމަތީން، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް، ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު، އަދާކުރުންމަތީ ދެމިހުރުމަށް މާތްﷲ ގަންދީ ހުވައިކުރަމެވެ.“
2. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ހުވައި
”އަހުރެން .......... (މީހާގެ ނަން) .......... އިސްލާމްދީނަށް ހުރްމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށާއި، ދިވެހި ގައުމަށް އިހްލާސްތެރިވުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތްވާ ގޮތުގެމަތީން، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް، ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު، އަދާކުރުންމަތީ ދެމިހުރުމަށް މާތްﷲ ގަންދީ ހުވައިކުރަމެވެ.“
3. ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައި
”އަހުރެން .......... (މީހާގެ ނަން) .......... އިސްލާމްދީނަށް ހުރްމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށާއި، ދިވެހި ގައުމަށް އިހްލާސްތެރި ވުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތްވާ ގޮތުގެމަތީން، ރައީސުލްޖުމްހޫރިއްޔާ އަހުރެންނާ ހަވާލުކުރާ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކާއި ވަޒީރެއްގެ / ބަންޑާރަނައިބުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު، އަދާކުރުންމަތީ ދެމިހުރުމަށް މާތްﷲ ގަންދީ ހުވައިކުރަމެވެ.“
4. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހުވައި
”އަހުރެން .......... (މީހާގެ ނަން) .......... އިސްލާމްދީނަށް ހުރްމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ރައްޔިތުންގެ ހައްގުތައް ދެމެހެއްޓުމަށާއި، ދިވެހި ގައުމަށް އިހްލާސްތެރިވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުން އަހުރެން އަދާކުރާންޖެހޭ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތްވާ ގޮތުގެމަތީން، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު، އަދާކުރުންމަތީ ދެމިހުރުމަށް މާތްﷲ ގަންދީ ހުވައިކުރަމެވެ.“
5. އުއްތަމަފަނޑިޔާރާއި ފަނޑިޔާރުންގެ ހުވައި
”އަހުރެން .......... (މީހާގެ ނަން) .......... އިސްލާމްދީނަށް ހުރްމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ގާނޫނު ދަމަހައްޓައި، ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށާއި، އުއްތަމަފަނޑިޔާރުގެ / ފަނޑިޔާރެއްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތްވާ ގޮތުގެމަތީން، ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު، އަދާކުރުންމަތީ ދެމިހުރުމަށް މާތްﷲ ގަންދީ ހުވައިކުރަމެވެ.“
6. މުސްތަގިއްލު ކޮމިށަންތަކުގެ މެންބަރުންނާއި، މުސްތަގިއްލު މަގާމްތަކުގެ ހުވައި
”އަހުރެން .......... (މީހާގެ ނަން) .......... އިސްލާމްދީނަށް ހުރްމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ރައްކާތެރި ވުމަށާއި، ދިވެހި ގައުމަށް އިހްލާސްތެރިވުމަށާއި، އޮޑިޓަރ ޖެނެރަލްގެ / ޕްރޮސިކިއުޓަރ ޖެނެރަލްގެ / އިލެކްށަންސް ކޮމިށަނުގެ މެންބަރުކަމުގެ /ޖުޑީށަލް ސަރވިސް ކޮމިށަނުގެ މެންބަރުކަމުގެ / ހިއުމަން ރައިޓްސް ކޮމިށަނުގެ މެންބަރުކަމުގެ/ ސިވިލް ސަރވިސް ކޮމިށަނުގެ މެންބަރުކަމުގެ / އެންޓި-ކޮރަޕްށަން ކޮމިށަނުގެ މެންބަރުކަމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ގާނޫނުގައިވާ ގޮތުގެމަތީން، ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު، އަދާކުރުންމަތީ ދެމިހުރުމަށް މާތްﷲ ގަންދީ ހުވައިކުރަމެވެ.“
--------------------
ޖަދުވަލު 2
އިދާރީ ދާއިރާތައް
މާލެ (ވިލިނގިއްޔާއި ހުޅުމާލެ ހިމެނޭގޮތުން)
ހއ ތިލަދުންމަތީ އުތުރުބުރި
ހދ ތިލަދުންމަތީ ދެކުނުބުރި
ށ މިލަދުންމަޑުލު އުތުރުބުރި
ނ މިލަދުންމަޑުލު ދެކުނުބުރި
ރ މާޅޮސްމަޑުލު އުތުރުބުރި
ބ މާޅޮސްމަޑުލު ދެކުނުބުރި
ޅ ފާދިއްޕޮޅު
ކ މާލެއަތޮޅު
އއ އަރިއަތޮޅު އުތުރުބުރި
އދ އަރިއަތޮޅު ދެކުނުބުރި
ވ ފެލިދެއަތޮޅު
މ މުލަކަތޮޅު
ފ ނިލަންދެއަތޮޅު އުތުރުބުރި
ދ ނިލަންދެއަތޮޅު ދެކުނުބުރި
ތ ކޮޅުމަޑުލު
ލ ހައްދުންމަތި
ގއ ހުވަދުއަތޮޅު އުތުރުބުރި
ގދ ހުވަދުއަތޮޅު ދެކުނުބުރި
ޏ ފުވައްމުލައް
ސ އައްޑުއަތޮޅު
--------------------
ޖަދުވަލު 3
ގައުމީ ދިދަ
ގައުމީ ދިދަ
[ދިދައިގެ ނަމޫނާ ގެޒެޓްކުރެވުނު ފޯމެޓްގައި ހިމެނިފައިވާނެއެވެ]
ގައުމީ ދިދަ އެކުލެވިގެންވާ ގޮތް
މި ގާނޫނުއަސާސީ ގެ ވަނަ މާއްދާގައިވާ ފަދައިން ގައުމީ ދިދަ އެކުލެވިގެންވަނީ ފެހިކުލައިގެ ދިގުއަކައެއްގެ މެދުގައި ހުންނަ ހުދު ހަނދުފަޅިއަކާއި މި ފެހި ދިގު އަކައިގެ ބޭރުން ހުންނަ ރަތްކުލައިގެ ބޯޑަރެއްގެ މައްޗަށެވެ.
މިންތައް
ގައުމީ ދިދައިގެ ފުޅާމިނަކީ އޭގެ ދިގުމިނުގެ 3/2 އެވެ. ރަތްކުލައިގެ ބޯޑަރުގެ ފުޅާމިނަކީ ދިދައިގެ ފުޅާމިނުގަ 4/1 އެވެ. ހަނދުފަޅީގެ އެތެރެއާއި ބޭރުފަރާތުގެ ރޭޑިއަސްއަކީ ފެހިބައިގެ ފުޅާމިނުގެ 3/1 އެވެ. ހަނދުފަޅި ހުންނާނީ ފެހިބައިގެ މެދުގައި ދިގަށް އެއްކޮޅުން އަނެއްކޮޅަށް ރޮނގެއްދަމައި އެ ރޮނގުގެ އެއްކޮޅަކުން 16/9 ން ވާ ނުކުތާއިން ބުރުފަޅިއެއް އަޅައި ހަމައެކޮޅުން ރޮނގުގެ 8/5 ން ވާ ނުކުތާއިން ބުރުފަޅިއެއް އަޅައިގެން ކުރަހައިފައެވެ. މި ދެބުރުފަޅި ގުޅޭއިރު ހުންނާނީ ހަނދުފަޅިއެއްގެ ސިފައިގައެވެ. ދިދަ ހަރުކުރެވިފައި ހުންނާންވާނީ ހަނދުފަޅީގެ ބޭރުކައިރި ދިދަދަނޑި އާވީ ފަރާތަށެވެ.
ކުލަތައް
ފެހިކުލަ- ނައިލޯނު ދިދަފަހާ ފޮތިނަމަ ބްރިޓިށް އެޑްމިރަލްޓީ ކަލަރކޯޑް ނަންބަރު 1143 T އެވެ. އެހެން ފޮއްޗެއްނަމަ ނަންބަރު T 817 A އެވެ.
ރަތްކުލަ- ނައިލޯނު ދިދަފަހާ ފޮތިނަމަ، ބްރިޓިށް އެޑްމިރަލްޓީ ކަލަރކޯޑް ނަންބަރު 1144 T އެވެ. އެހެން ފޮއްޗެއްނަމަ ނަންބަރު T 818 A އެވެ.
ހުދުކުލަ- ނައިލޯނު ދިދަފަހާ ފޮތިނަމަ، ބްރިޓިށް އެޑްމިރަލްޓީ ކަލަރކޯޑް ނަންބަރު 1145 T އެވެ. އެހެން ފޮއްޗެއްނަމަ ނަންބަރު T 819 A އެވެ.
ގާނޫނުއަސާސީއަށް ގެނެވުނު އިސްލާހު
އުވާލެވުނު ގާނޫނުއަސާސީ
ކުރީގެ ގާނޫނުއަސާސީތައް
- ގާނޫނުއަސާސީ - 1975
- ގާނޫނުއަސާސީ - 1968
- ގާނޫނުއަސާސީ - 1967
- ގާނޫނުއަސާސީ - 1964
- ގާނޫނުއަސާސީ - 1954
- ގާނޫނުއަސާސީ - 1953
- ގާނޫނުއަސާސީ - 1942
- ގާނޫނުއަސާސީ - 1937
- ގާނޫނުއަސާސީ - 1934
- ގާނޫނުއަސާސީ - 1932
ތާރީހީ ލިޔުން
ސަރުކާރާއި ވެރިންނަށް ފާޑުކިއުން މަނާކުރުމުގެ އިއުލާނު (އިއުލާނު - 14 ޖޫން 1974)
ކިޔުންތެރިންގެ ހިޔާލު