-

ގާނޫނުލް އުގޫބާތު (ޗެޕްޓަރ 4)

(ގާނޫނު ނަންބަރު 1968-10) 

(މި ގާނޫނު ވަނީ ގާނޫނު ނަންބަރު 2014-09 ގެ 18 ވަނަ މާއްދާއިން އުވާލެވިފައި)

 

(ޗެޕްޓަރ 4)

ކޮއިން ނުވަތަ ނޫޓާބެހޭ ކުށް

(މިގާނޫނަށް އަމަލު ކުރާނީ 1 1968 ޖުލައި ދުވަހުން ފެށިގެންނެވެ)

 

90  ވަނަ މާއްދާ "ކޮއިން" ނުވަތަ "ފައިސާފޮތި"

(ހ) ކޮއިން ނުވަތަ ފައިސާފޮތި އެއީ ފައިސާގެ ގޮތުގައި ބޭނުން ކުރެވޭ މައްދަނެވެ. ފައިސާގެގޮތުގައި ބޭނުން ކުރުމަށްޓަކައި ސަރުކާރުގެ އަމުރަށް ސިއްކައެއް ޖެހިގެން ހިންގޭ އެއްޗެކެވެ.

ނޯޓް:

  1. ބޮއްޔަކީ ކޮއިނެއް ނުވަތަ ފައިސާ ފޮއްޗެއް ނޫނެވެ.
  2. ސިއްކައެއް ނުޖަހައި ހުންނަ މައްދަނު (ކޮންމެ ސިފައަކަށް ހުރިނަމަވެސް އަދި ކޮންމެ ގޮތެއްގައި ބޭނުން ކުރިނަމަވެސް) އެއީ ކޮއިނެއް ނުވަތަ ފައިސާފޮއްޗެއް ނޫނެވެ.
  3. އެކި ބާވަތް ބާވަތުގެ މެޑެލްފަދަ ތަކެތި އެއީ ކޮއިނެއް ނުވަތަ ފައިސާފޮއްޗެއް ނޫނެވެ. އެއީ ފައިސާގެ ގޮތުގައި ބޭނުން ކުރުމުގެ މަގްސަދުގައި ހުންނަ  އެއްޗެއްވެސް ނޫނެވެ.

(ށ) ނޫޓަކީ ފައިސާގެ ގޮތުގައި ބޭނުން ކުރުމަށް ސަރުކާރުން ކަނޑައަޅާ ގޮތަކަށް ކަނޑައަޅާ ވަރަކަށް ކަނޑައަޅާ ކަރުދާހެއްގައި ޗާޕްކޮށް ސަރުކާރުގެ އަމުރަށް ހިންގާ އެއްޗެކެވެ.

 

91 ވަނަ މާއްދާކޮއިން ނުވަތަ ނޫޓު ކައުންޓަރފީޓް ކުރުން

އެނގިހުރެ ފައިސާފޮތި ނުވަތަ ނޫޓު ކައުންޓަރފީޓް ކުރުން ނުވަތަ އެކަން ކުރުމުގެ ބައެއްގައި ހަރަކާތްތެރިވުމަކީ ކުށެކެވެ. މިފަދަ ކުށްވެރިއެއްގެ އަދަބަކީ ގިނަވެގެން 10 އަހަރު ދުވަހަށް ދެބާވަތުންކުރެ ބާވަތަކުން ޖަލަށްލުމެވެ. ނުވަތަ ގިނަވެގެން 10 އަހަރު ދުވަހަށް އަރުވާލުމެވެ. ނުވަތަ ޖޫރިމަނާއެއް ކުރުމެވެ.

ތަފްސީލެއް:

   ހީލަތެއް ނުވަތަ މަކަރެއް ހެދުމަށްޓަކައި ނުވަތަ މިފަދަ ކަމެއްވުމަކީ، ނުވަތަ ކުރުމަކީ އެކަށީގެންވާ ކަމެއްކަން ނުވަތަ ގާތްކަމެއްކަން އެނގިހުރެ ސައްހަ ކޮއިނެއް ނުވަތަ ނޫޓެއް އެހެން ބާވަތެއްގެ ކޮއިނެއް ނުވަތަ ނޫޓެއްގެ ގޮތުގައި ފެނިދާފަދަ އަމަލެއް ކުރުމަކީވެސް ކައުންޓަރފީޓް ކުރުމެވެ.

ނޯޓް: މިޗެޕްޓަރުގައި ދެބާވަތުންކުރެ ބާވަތެއްގެ ޖަލަށްލުމޭ ބުނެފައި އެވަނީ ބުރަމަސައްކަތާއެކު ޖަލަށްލުން ނުވަތަ ޖަލަށްލުމެވެ.

 

92 ވަނަ މާއްދާކޮއިން ނުވަތަ ނޫޓް ކައުންޓަރފީޓް ކުރުމުގެ ތަކެތި ނުވަތަ އެއްޗެއް ހެދުން ވިއްކުން ނުވަތަ ގެންގުޅުން

ކޮއިން ނުވަތަ ނޫޓު ކައުންޓަރފީޓް ކުރުމުގެ އެއްވެސް އެއްޗެއް ހަދާ މަރާމާތުކޮށް، ގަނެ، ވިއްކާ ނުވަތަ މީހަކަށްދީ ނުވަތަ މިފަދަ އެއްޗެއްގެ ބޭނުން ކުރަމުންދާއިރު އެއީ ކޮއިން ނުވަތަ ނޫޓު ކައުންޓަރފީޓް ކުރުމަށްޓަކައި ބޭނުން ކުރުމަށް ގަސްދު ކޮށްފައިވާ އެއްޗެއް ކަމުގައި ގަބޫލު ކުރެވޭފަދަ ސަބަބުތަކެއް ހުރިނަމަ، ނުވަތަ އެއެއްޗަކީ، އެމަގްސަދަށް ބޭނުންކުރާ އެއްޗެއް ކަމަށްވާނަމަ، އެކުރި އަމަލަކީ ކުށެކެވެ. މިފަދަ ކުށްވެރިޔާގެ އަދަބަކީ ގިނަވެގެން 3 އަހަރު ދުވަހަށް ޖަލަށްލުން ނުވަތަ ގިނަވެގެން 3 އަހަރު ދުވަހަށް އަރުވާލުން ނުވަތަ ޖޫރިމަނާއެއް ކުރުމެވެ.

 

93 ވަނަ މާއްދާ - ކޮއިން ނުވަތަ ނޫޓު ކައުންޓަރފީޓް ކުރުމުގެ އެއްޗެއް މީހެއްގެ އަތުގައި އޮތުން

ކޮއިން ނުވަތަ ނޫޓު ކައުންޓަރފީޓް ކުރުމަށް ބޭނުން ކުރުމަށްޓަކައި ނުވަތަ އެމަގްސަދަށްޓަކައި ބޭނުންކުރާ އެއްޗެއްކަން ގަބޫޅު ކުރެވޭފަދަ ސަބަބުހުރެ އެއްޗެއް މީހެއްގެ އަތުގައި އޮވެއްޖެނަމަ އެމީހަކީ ކުށްވެރިއެކެވެ. މިފަދަ ކުށްވެރިޔާގެ އަދަބަކީ ގިނަވެގެން 3 އަހަރު ދުވަހަށް ޖަލަށްލުން ނުވަތަ ގިނަވެގެން 3 އަހަރު ދުވަހަށް އަރުވާލުން ނުވަތަ ޖޫރިމަނާއެއް ކުރުމެވެ.

 

94 ވަނަ މާއްދާ – ފުރަތަމަ ލިބުނުއިރު ކައުންޓަރފީޓް ކޮށްފައިވާ ކޮއިން ނުވަތަ ނޫޓެއްކަން އެނގިހުރެ އެހެން މީހަކަށްރައްދުކުރުން

ފުރަތަމަ ލިބުނުއިރު ކައުންޓަރފީޓް ކޮށްފައިވާ ކޮއިން ނުވަތަ ނޫޓެއްކަން އެނގިހުރެ އެކޮއިން ނުވަތަ ނޫޓު، އެހެން މީހަކަށް ކޮންމެ ގޮތެއްގައިވެސް ދިނުން ނުވަތަ އެހެން މީހަކަށް އެފަދަ ކޮއިން ނުވަތަ ނޫޓު އެއީ ސައްހަ އެއްޗެއް ކަމުގައި ބަލައިގެންފާނެ ގޮތަކަށް އަމަލެއް ކޮށްފިނަމަ އެއީ ކުށެކެވެ. މިފަދަ ކުށްވެރިޔާގެ އަދަބަކީ ގިނަވެގެން 3 އަހަރަށް ދެބާވަތުންކުރެ ބާވަތެއްގެ ޖަލަށްލުން ނުވަތަ ގިނަވެގެން 3 އަހަރަށް އަރުވާލުން ނުވަތަ ޖޫރިމަނާއެއް ކުރުމެވެ.

 

95 ވަނަ މާއްދާ – ފުރަތަމަ ލިބުނުއިރު ކައުންޓަރފީޓް ކޮއިން ނުވަތަ ނޫޓު ކަން ނުއެނގިފައި ފަހުން އެނގުމާއެކު އެހެން މީހަކަށް އެ ކޮއިން ނުވަތަ ނޫޓު ރައްދުކުރުން

ކައުންޓަރފީޓް ކޮށްފައިވާ ކޮއިނެއް ނުވަތަ ނޫޓެއް އެހެން މީހަކަށް ކޮންމެ ގޮތެއްގައިވެސް ދޭއިރު، ނުވަތަ އެހެން މީހަކު އެފަދަ ކޮއިން ނުވަތަ ނޫޓު އެއީ ސައްހަ އެއްޗެއްގެ ގޮތުގައި ބަލައިގެންފާނެ ގޮތަކަށް އަމަލެއް ކޮށްފިހިނދު އެކޮއިނަކީ، ނުވަތަ ނޫޓަކީ، ކައުންޓަރފީޓް އެއްޗެއް ކަމުގައި އެއަމަލުކުރި މީހަކަށް  ލިބުނުއިރު ނުއެނގި ފަހުން އެނގިފައިވާނަމަ އެއަމަލަކީ ކުށެކެވެ. މިފަދަ ކުށްވެރިޔާގެ އަދަބަކީ، ގިނަވެގެން 2 އަހަރަށް ޖަލަށްލުން ނުވަތަ ގިނަވެގެން 2 އަހަރު ދުވަހަށް އަރުވާލުން ނުވަތަ ޖޫރިމަނާ ކުރުމެވެ.

 

96 ވަނަ މާއްދާކައުންޓަރފީޓް ކޮއިން ނުވަތަ ނޫޓުކަން އެނގިހުރެ އަތުގައި ބެހެއްޓުން

ކައުންޓަރފީޓް ކޮއިން ނުވަތަ ނޫޓުކަން އެނގިހުރެ ހީލަތްތެރި ގޮތެއްގައި ބޭނުން ކުރުމަށްޓަކައި ނުވަތަ އެގޮތަށް ބޭނުން ކުރުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ގަބޫލު ކުރެވޭފަދަ ގޮތެއްގައި، އެ ކޮއިން ނުވަތަ ނޫޓު އަތުގައި ބެހެއްޓުމަކީ ކުށެކެވެ. މިފަދަ ކުށެއް ކުރި މީހާގެ އަދަބަކީ ގިނަވެގެން 5 އަހަރަށް ދެބާވަތުން ކުރެބާވަތެއްގެ ޖަލަށްލުން ނުވަތަ ގިނަވެގެން 5 އަހަރަށް އަރުވާލުން ނުވަތަ ޖޫރިމަނާއެއް ކުރުމެވެ.

 

ސްޓޭމްޕް ނުވަތަ ސަރުކާރުގެ ސިއްކައާބެހޭ ކުށް

 

97 ވަނަ މާއްދާ – ސަރުކާރުގެ ސިއްކައެއް ނުވަތަ ސްޓޭމްޕެއް ނުވަތަ އެއާބެހޭ ލިޔުމެއް ސަރުކާރަށް ގެއްލުމެއް ކުރުމަށް ފޮހެ ނުވަތަ އުނިއިތުރުކުރުން

ސަރުކާރުގެ އާމްދަނީއަށްޓަކައި ސްޓޭމްޕެއް ނުވަތަ ސަރުކާރުގެ ސިއްކައެއް ޖަހާފައިވާ އެއްވެސް ލިޔުމަކުން، ނުވަތަ އެހެންވެސް އެއްޗަކުން އެ ސްޓޭމްޕެއް ނުވަތަ ސިއްކައެއް، ނުވަތަ އެއިން ބައެއް، ނުވަތަ އެލިޔުމެއް ނުވަތަ އެއެއްޗެއްގެ ބައެއް އުނިއިތުރު ކުރާއިރު ނުވަތަ ބަދަލެއް ގެންނައިރު، އެއީ ސަރުކާރުގެ އާމްދަނީއަށް ގެއްލުމެއް ދިނުމަށްޓަކައި ކުރިކަމެއްނަމަ އެއީ ކުށެކެވެ. މިފަދަ ކުށްވެރިޔާގެ އަދަބަކީ ގިނަވެގެން 3 އަހަރު ދުވަހަށް ޖަލަށްލުން ނުވަތަ ގިނަވެގެން 3 އަހަރަށް އަރުވާލުން ނުވަތަ ޖޫރިމަނާއެއް ކުރުމެވެ.

 

98 ވަނަ މާއްދާ – ކުރިން ބޭނުން ކޮށްފިކަން އެނގޭ ސްޓޭމްޕެއް އަލުން ބޭނުން ކުރުން

ކުރިން ބޭނުން ކޮށްފައިވާ ސްޓޭމްޕް ސަރުކާރުގެ އާމްދަނީއަށް ގެއްލުމެއް ދިނުމަށް ނުވަތަ ހީލަތެއް ހެދުމަށް ބޭނުން ކުރުމަކީ ކުށެކެވެ، މިފަދަ ކުށްވެރިޔާގެ އަދަބަކީ ގިނަވެގެން 2 އަހަރު ދުވަހަށް ޖަލަށްލުމެވެ. ނުވަތަ ގިނަވެގެން 2 އަހަރަށް އަރުވާލުން ނުވަތަ ޖޫރިމަނާއެއް ކުރުމެވެ.

 

99 ވަނަ މާއްދާސްޓޭމްޕް ކެންސަލްކުރާ ފާހަގަ ފޮހުން

ސަރުކާރުން ނެރޭ ސްޓޭމްޕް، އެއްފަހަރު ބޭނުން ކުރެވިއްޖެނަމަ އެންގުމަށްޓަކައި ސްޓޭމްޕްގައި ޖަހާ ސިއްކައެއް ނުވަތަ ލާ ފާހަގެއް ނުވަތަ އެއިން ބައެއް ފޮހެ ނުވަތަ އެހެންވެސް ގޮތަކުން ފާހަގަ ނުފެންނަގޮތް ހަދާއިރު އެއީ ހީލަތެއް ހެދުން ކަމަށް ނުވަތަ ސަރުކާރުގެ އާމްދަނީއަށް ގެއްލުމެއް ލިބޭގޮތަށް ކުރިކަމެއް ކަމުގައި ވާނަމަ އެކުރީ ކުށެކެވެ. ހަމަ މިފަދަ ގޮތެއްގައި، މިފަދަ ސްޓޭމްޕް އެނގިހުރެ ދެވަނަ ފަރާތަކަށް ދީ ނުވަތަ ވިއްކާ ހެދުމަކީވެސް ކުށެކެވެ. މިފަދަ ކުށްވެރިޔާގެ އަދަބަކީ ގިނަވެގެން 2 އަހަރު ދުވަހަށް ޖަލަށްލުމެވެ. ނުވަތަ 2 އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް އަރުވާލުން ނުވަތަ ޖޫރިމަނާއެއް ކުރުމެވެ.

 

100 ވަނަ މާއްދާ – "ސްޓޭމްޕް"

އިސްވެދިޔަ ތިން މާއްދާގައި "ސްޓޭމްޕް" ބުނެފައި އެވަނީ ސަރުކާރު ހުއްދަކުރާ ގޮތަކަށް ކުރެހި، ކުލަޖެހި، ޗާޕްވެގެން ސަރުކާރު އަންގާ އުސޫލަކުން ނުވަތަ ގަވާއިދަކުން، އެސަރުކާރުގެ ހުއްދައޮތް ފަރާތަކުން ނެރެވިއްކާ ސްޓޭމްޕަށެވެ. "ސަރުކާރު ސިއްކަ" ނުވަތަ "ސިއްކަ" އޭ ބުނެފައި އެވަނީ ކުރީގައިވެސް ބުނެވުނު ފަދައިން ސަރުކާރު ޕޯސްޓް، ނުވަތަ އާމްދަނީއާ ބެހިގެން ގެންގުޅޭ އެއްވެސް ބާވަތެއްގެ ސިއްކަ ނުވަތަ ފާހަގައަށެވެ. 

 

އާންމު ސިއްހަތު، ރައްކާތެރިކަން، ފަސޭހަކަން، ދިރިއުޅުމުގެ އާދަ ކާދައާބެހޭ ކުށް

 

101 ވަނަ މާއްދާ – ނުލަފާކަމުން ކުރާ އަމަލަކުން ބައްޔެއް ފެތުރުން

އެނގިހުރެ ނުވަތަ އެނގެންވީ ސަބަބުތަކެއްހުރެ، މީހަކު ކުރާ އަމަލަކުން ޖަމާއަތުގެ އާންމު  ސިއްހަތަށް ގެއްލުމެއް ނުވަތަ ނުރައްކަލެއް މެދުވެރިވާފަދަ ބައްޔެއްގެ ޖަރާސީމު ފެތުރިއްޖެނަމަ، ނުވަތަ އެއަމަލަކީ އޭގެ ސަބަބުން މިބުނިފަދަ ގޮތެއް މެދުވެރި ވެދާނޭ އަމަލެއްކަމަށް ވިޔަސް، އެއަމަލު ކުރި މީހަކީ ކުށްވެރިއެކެވެ. މިފަދަ ކުށްވެރިޔާގެ އަދަބަކީ ގިނަވެގެން ދެއަހަރު ދުވަހަށް ދެބާވަތުންކުރެ ބާވަތެއްގެ ޖަލަށްލުން ނުވަތަ ގިނަވެގެން ދެއަހަރަށް އަރުވާލުން ނުވަތަ ޖޫރިމަނާއެއް ކުރުމެވެ.

 

102 ވަނަ މާއްދާ – ކަރަންޓީނު ގަވާއިދާ ހިލާފުވުން

ކަނޑުދަތުރުކުރާ އެއްޗަކުން ނުވަތަ އެފަދަ އެއްޗެއްގެ މީހެއް ނުވަތަ މީހުންގެ ސަބަބުން ނުވަތަ އެފަދަ މީހުން އެއްގަމުގައި ތިބޭ މީހުންނާ ގުޅިގެން އުޅުމުގައި ބައްޔެއް ފެތުރިދާނެތީވެ ނުވަތަ ފެތުރެމުންދާ ބައްޔެއް ހުއްޓުވުމަށްޓަކައި ނުވަތަ މިނޫނަސް ސަރުކާރުގެ ފަރާތުން އަންގާ ކަރަންޓީނު ގަވާއިދަކަށް ގަސްދުގައި ނުކިޔަމަންތެރި ވެއްޖެނަމަ އެއީ ކުށެކެވެ. މިފަދަ ކުށްވެރިޔާގެ އަދަބަކީ، ގިނަވެގެން 6 މަސް ދުވަހަށް ޖަލަށްލުން ނުވަތަ ގިނަވެގެން 6 މަސްދުވަހަށް އަރުވާލުން، ނުވަތަ 6 މަސް ދުވަހަށްވުރެ ގިނަނޫން މުއްދަތަކަށް ގޭގައި ބަންދުކުރުން ނުވަތަ ގިނަވެގެން 300 (ތިންސަތޭކަ) ރުފިޔާއިން ޖޫރިމަނާއެއް ކުރުމެވެ.

 

103 ވަނަ މާއްދާ – ވިއްކާ ކާބޯތަކެތި ގަޑުބަޑުކުރުން

ވިއްކާނެކަން އެނގިހުރެ ނުވަތަ ވިއްކުމަކީ އެކަށީގެންވާ ކަމެއްކަން ދެނަހުރެ، ކާބޯތަކެތީގެ ފައިދާ ކުޑަކުރުމުގެ ގަސްދުގައި ނުވަތަ އޭގެ ބޭނުން ކުރުމުން ގެއްލުމެއް ލިބޭނެކަން އެނގިހުރެ، ގަޑުބަޑު ކުރުމަކީ ކުށެކެވެ. ހަމަ މިގޮތަށް ވިޔަފާރީގެ ފައިދާއަށްޓަކައި ކާބޯތަކެތި ގަޑުބަޑު ކުރުމަކީ ކުށެކެވެ. މިފަދަ ކުށްވެރިޔާގެ އަދަބަކީ ގިނަވެގެން 6 މަސް ދުވަހަށް ޖަލަށްލުން ނުވަތަ ގިނަވެގެން 6 މަސް ދުވަހަށް އަރުވާލުން ނުވަތަ ޖޫރިމަނާއެއް ކުރުމެވެ.

 

104 ވަނަ މާއްދާ – ސިއްހަތަށް ގެއްލުންހުރި ކާބޯތަކެތި ވިއްކުން

ސިއްހަތަށް ގެއްލުން ލިބިދާފަދަ ކާބޯތަކެތި ވިއްކުން، ދިނުން ނުވަތަ މިއިން ކަމަކަށްޓަކައި ތައްޔާރުކުރުމަކީ ކުށެކެވެ. މިފަދަ ކުށްވެރިޔާގެ އަދަބަކީ، ގިނަވެގެން 6 މަސް ދުވަހަށް ޖަލަށްލުން ނުވަތަ 6 މަސް ދުވަހަށްވުރެ ގިނަނޫން މުއްދަތަކަށް އަރުވާލުމެވެ. ނުވަތަ ޖޫރިމަނާއެއް ކުރުމެވެ.

 

105 ވަނަ މާއްދާބޭސް ގަޑުބަޑު ކުރުން

ބޭނުންކޮށްފާނެކަމަށް ގަބޫލުކުރެވޭފަދަ ގޮތެއްގައި ނުވަތަ ވިއްކަފާނެ، ނުވަތަ ވިއްކުމަކީ، އެކަށީގެންވާ ކަމެއްކަން ގަބޫލު ކުރެވޭފަދަ ގޮތެއްގައިވާ ބޭސް އޭގެ އަސަރުކުޑަ ކުރުމަށްޓަކައި ނުވަތަ އެބޭހެއްކެއުމަށްފަހު، ނުވަތަ ބުއިމަށްފަހު، އެއިން ކުރާ އަސަރެށް ބަދަލު ކުރުމަށްޓަކައި ނުވަތަ އެއްވެސް ބާވަތެއްގެ ގެއްލުމެއް ދިނުމަށްޓަކައި، ގަޑުބަޑު ކުރުމަކީ ކުށެކެވެ. މިފަދަ ކުށްވެރިޔާގެ އަދަބަކީ، ގިނަވެގެން 1 އަހަރު ދުވަހަށް ދެބާވަތުންކުރެ ބާވަތެއްގެ ޖަލަށްލުން ނުވަތަ ގިނަވެގެން 1 އަހަރު ދުވަހަށް އަރުވާލުން ނުވަތަ 1 އަހަރު ދުވަހަށްވުރެ ގިނަނޫން މުއްދަތަކަށް ގޭގައި ބަންދުކުރުން.

 

106 ވަނަ މާއްދާ – ގިނަދުވަސްވީ ނުވަތަ ގަޑުބަޑު ކުރި ބޭސް ވިއްކުން

105 ވަނަ މާއްދާގައި ބުނެފައިވާ ބާވަތުގެ ގަޑުބަޑުކޮށްފައިވާ ބޭސް ނުވަތަ ގިނަދުވަސްވުމުގެ ސަބަބުން ހަށިގަނޑަށް ގެއްލުމެއް ދީފާނެ ބޭސް ވިއްކުމަކީ، ނުވަތަ ވިއްކުމަށްޓަކައި ތައްޔާރު ކުރުމަކީ، ނުވަތަ ބޭނުން ކޮށްފާނެކަމަށް ގަބޫލު ކުރެވޭފަދަ ގޮތެއްގައި މީހަކަށް ދިނުމަކީ ކުށެކެވެ. މިފަދަ ކުށްވެރިޔާގެ އަދަބަކީ ގިނަވެގެން 1 އަހަރު ދުވަހަށް ޖަލަށްލުން ނުވަތަ ގިނަވެގެން 1 އަހަރު ދުވަހަށް އަރުވާލުން ނުވަތަ 1 އަހަރު ދުވަހަށް ވުރެ ގިނަނޫން މުއްދަތަކަށް ގޭގައި ބަންދުކުރުން، ނުވަތަ ޖޫރިމަނާއެއް ކުރުމެވެ.

 

107 ވަނަ މާއްދާ - އެއްބޭސް އަނެއް ބޭހެއްގެ ނަމުގައި ވިއްކުން

އެއްވެސް ބާވަތެއްގެ ބޭހެއް ނުވަތަ ބޭސް ހަދާ އެއްޗެއް އެނޫން އެއްޗެއްގެ ނަމުގައި ވިއްކުން، ދިނުން ނުވަތަ ވިއްކުމަށްޓަކައި ފެންނާނެގޮތައް ބެހެއްޓުމަކީ ކުށެކެވެ. މިފަދަ ކުށްކުރި މީހެއްގެ އަދަބަކީ ގިނަވެގެން 1 އަހަރު ދުވަހަށް ޖަލަށްލުން، ނުވަތަ ގިނަވެގެން 1 އަހަރު ދުވަހަށް އަރުވާލުން ނުވަތަ ޖޫރިމަނާއެއް ކުރުމެވެ.

 

ގާނޫނުނަންބަރު 9/1995 އިން 108 ވަނަ މާއްދާވަނީއުވާލެވިފައެވެ.

 

109 ވަނަ މާއްދާ – ފަރުވާކުޑަކޮށް ފުރާދުއްވާ އެއްޗެހި ގެންގުޅުމާއި ދުއްވުން

ފުރާނައަށް ނުރައްކަލެއް ވެދާނެ ނުވަތަ މީހެއްގެ ހަށިގަނޑަށް ގެއްލުމެއް ލިބުން އެކަށީގެންވާ ގޮތެއްގައި ފުރާދުއްވާ އެއްޗެހި ގެންގުޅުމަކީ، ނުވަތަ ދުއްވުމަކީ ކުށެކެވެ. މިފަދަ ކުށްކުރި މީހާގެ އަދަބަކީ ގިނަވެގެން 6 މަސް ދުވަހަށް ދެބާވަތުންކުރެ ބާވަތެއްގެ ޖަލަށްލުން، ނުވަތަ ގިނަވެގެން 6 މަސް ދުވަހަށް އަރުވާލުން ނުވަތަ ޖޫރިމަނާއެއް ކުރުމެވެ.

 

110 ވަނަ މާއްދާ - ކަނޑުދަތުރުކުރާ މީހުންނަށް އޮޅޭފަދަ ދޮގު އައްޔެއް ނުވަތަ ފާހަގައެއް ދެއްކުން

ކަނޑުދަތުރުކުރާ އެއްވެސް ބާވަތެއްގެ އެއްޗަކަށް އޮޅުވުމުގެ ގަސްދުގައި ނުވަތަ އޮޅުވުމަކީ އެކަށީގެންވާ ކަމެއްކަން އެނގެންވީ ސަބަބުތަކެއް ސާބިތުވާފަދަ ހާލެއްގައި އެއްވެސް ބާވަތެއްގެ ހަގީގަތެއްނެތް އައްޔެއް ފާހަގައެއް ނުވަތަ ބޮޔެއް ދައްކައި ހެދުމަކީ ކުށެކެވެ. މިފަދަ ކުށްކުރި މީހާގެ އަދަބަކީ ގިނަވެގެން 3 އަހަރު ދުވަހަށް ދެބާވަތުންކުރެ ބާވަތެއްގެ ޖަލަށްލުން ނުވަތަ 3 އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް އަރުވާލުން ނުވަތަ ޖޫރިމަނާއެއް ކުރުމެވެ.

 

111 ވަނަ މާއްދާ - ފުރާދުއްވާ އެއްޗެއްސަށް މާގިނައިން މީހުނާއި މުދާ އެރުވުން

ފުރާދުއްވާ އެއްޗެކަށް މީހުން ނުވަތަ މުދާ އެރުވުމުގައި، މީހުން ނުވަތަ މުދާ އަރުވާފައިވާ، މީހެއްގެ ފުރާނައަށް ނުރައްކަލެއް ވެދާފަދަ ވަރަކަށް ކަމުގައި ވެއްޖެނަމަ އެވަރަކަށް މީހުން ނުވަތަ މުދާ އެރުވި ނުވަތަ އަރުވަން އަމުރުކުރި މީހަކު ކުށްވެރި ވާނެއެވެ. މިފަދަ ކުށްވެރިޔާގެ އަދަބަކީ ގިނަވެގެން 1 އަހަރު ދުވަހަށް ދެބާވަތުންކުރެ ބާވަތެއްގެ ޖަލަށްލުން ނުވަތަ ގިނަވެގެން 1 އަހަރު ދުވަހަށް އަރުވާލުން ނުވަތަ ޖޫރިމަނާއެއް ކުރުމެވެ.

 

112 ވަނަ މާއްދާ - ކަނޑު ނުވަތަ އެއްގަމުގެ މަގެއްގައި  ހުރަހެއް ނުވަތަ ނުރައްކަލެއް މެދުވެރިކުރުން

މީހަކު އުފުލާ، ގެންދާ ނުވަތަ އަތުގައިވާ އެއްޗަކުން، އެއްގަމުގެ އާންމު މަގެއް ނުވަތަ ބިމެއްގައި، ނުވަތަ ކަނޑުދަތުރުކޮށް އުޅޭ އާންމު ތަނެއްގައިވާ މީހަކަށް ނުރައްކަލެއް ނުވަތަ ހުރަހެއް، ނުވަތަ އަނިޔާއެއް މެދުވެރި ވެއްޖެނަމަ، އެއެއްޗެއް އުފުލި، ގެންދިޔަ ނުވަތަ އަތުގައި އޮތް މީހަކީ ކުށްވެރިއެކެވެ. މިފަދަ ކުށްވެރިއަކަށް ދެވޭ އަދަބަކީ ގިނަވެގެން 6 މަސް ދުވަހަށް ދެބާވަތުންކުރެ ބާވަތެއްގެ ޖަލަށްލުން ނުވަތަ އަރުވާލުން ނުވަތަ ގޭގައި ބަންދުކުރުން ނުވަތަ ޖޫރިމަނާއެއް ކުރުމެވެ.

 

113 ވަނަ މާއްދާ - ވިހަގެންގުޅުމުގައި ފަރުވާކުޑަކުރުން

އެއްވެސް ބާވަތެއްގެ ވިހައެއް ގެންގުޅުމުގައި އަނެކެއްގެ ނުވަތަ ތިމާގެ ފުރާނައަށް ނުރައްކަލެއް މެދުވެރިވެދާފަދަ ގޮތަކަށް އަމަލު ކުރުމަކީ ކުށެކެވެ. އަދި އަނެކަކަށް އެއްވެސް ބާވަތެއްގެ ގެއްލުމެއް ވުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ވާގޮތަކަށް މިފަދަ އަމަލު ކުރުމަކީވެސް ކުށެކެވެ. މިފަދަ ކުށެއް ކުރި މީހާގެ އަދަބަކީ ގިނަވެގެން 1 އަހަރު ދުވަހަށް ދެބާވަތުންކުރެ ބާވަތެއްގެ ޖަލަށްލުން ނުވަތަ ގިނަވެގެން 1 އަހަރު ދުވަހަށް އަރުވާލުން ނުވަތަ ޖޫރިމަނާއެއް ކުރުމެވެ.

 

114 ވަނަ މާއްދާ - އަލިފާން ރޯވާފަދަ އެއްޗެއްސާމެދު ފަރުވާކުޑަކުރުން

އަލިފާން ނުވަތަ ހުޅުފަޅައިގެންދާފަދަ ނުވަތަ އަލިފާން ރޯވާފަދަ އެއްޗެއް ގެންގުޅުމުގައި ފަރުވާކުޑަ  ވުމުގެ ސަބަބުން މީހެއްގެ ފުރާނައަށް ނުރައްކަލެއް މެދުވެރި ވެއްޖެނަމަ ނުވަތަ އަނެކަކަށް އެއްވެސް ބާވަތެއްގެ ގެއްލުމެއް ނުވަތަ އަނިޔާއެއް ލިބުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ވެއްޖެނަމަ އެފަދަ އަމަލެއް ކޮށްފި މީހަކީ ކުށްވެރިއެކެވެ. މިފަދަ ކުށްވެރިއެއްގެ އަދަބަކީ ގިނަވެގެން 1 އަހަރު ދުވަހަށް ޖަލަށްލުން ނުވަތަ ގިނަވެގެން 1 އަހަރު ދުވަހަށް އަރުވާލުން ނުވަތަ ޖޫރިމަނާއެއް ކުރުމެވެ.

ނޯޓް: އެފަދަ އެއްޗެހި ގެންގުޅެން ކަނޑައެޅިފައި އޮންނަ ރައްކާތެރި ވުމުގެ ގަވާއިދާ ހިލާފުވި ނަމަވެސް ހިމެނޭނީ މިމާއްދާގެ މާނައިގެ ތެރޭގައެވެ.

 

115 ވަނަ މާއްދާ - އެކްސްޕްލޯސިވްޒް ގެންގުޅުމުގައި ފަރުވާ ކުޑަކުރުން

އެކްސްޕްލޯސިވްޒް ގެންގުޅުމުގައި ފަރުވާކުޑަ ވުމުގެ ސަބަބުން މީހެއްގެ ފުރާނައަށް ނުރައްކަލެއް މެދުވެރިވުން ނުވަތަ މީހަކަށް އެއްވެސް ބާވަތެއްގެ ގެއްލުމެއް ނުވަތަ އަނިޔާއެއް ލިބުމަކީ އެކަށީގެންވާ ކަމެއް ކަމިގައިވާފަދަ އަމަލެއް ކޮށްފިނަމަ އެމީހަކީ ކުށްވެރިއެކެވެ. މިފަދަ ކުށްވެރިޔާއަށް ދެވޭ އަދަބަކީ ގިނަވެގެން 1 އަހަރު ދުވަހަށް ދެބާވަތުންކުރެ ބާވަތެއްގެ ޖަލަށްލުން ނުވަތަ ގިނަވެގެން 1 އަހަރު ދުވަހަށް އަރުވާލުން ނުވަތަ  ގިނަވެގެން 1 އަހަރު ދުވަހަށް ގޭގައި ބަންދުކުރުން ނުވަތަ ޖޫރިމަނާއެއް ކުރުމެވެ.

ނޯޓް:

  1. "އެކްސްޕްލޯސިވްޒް" ގެ މާނައަކީ އާންމުކޮށް ގެންގުޅުން މަނާ ގޮވާ ނުވަތަ ގޮވާ އެއްޗެއްސެވެ.
  2. މިބާވަތުގެ އެއްޗެހި ގެންގުޅުމަށް ކަނޑައެޅިފައިވާ ގަވާއިދެއް ނުވަތަ ގާނޫނަކާ ހިލާފުވާ މީހާވެސް މިމާއްދާގެ ތެރޭގައި ހިމެނެއެވެ.
     

116 ވަނަ މާއްދާ - މެށިން، އިންޖީނު ފަދަ ތަކެތި ގެންގުޅުމުގައި ފަރުވާކުޑަކުރުން

މެށިން، އިންޖީނުފަދަ ތަކެތި ގެންގުޅުމުގައި ފަރުވާކުޑަ ވުމުގެ ސަބަބުން، ނުވަތަ ގެންގުޅުންވީ ގަވާއިދު ނުވަތަ ގާނޫނާ ހިލާފުވުމުގެ ސަބަބުން މީހެއްގެ ފުރާނައަށް ނުރައްކަލެއް ވެއްޖެނަމަ ނުވަތަ މީހަކަށް އެއްވެސް ބާވަތެއްގެ ގެއްލުމެއް ނުވަތަ އަނިޔާއެއް ލިބުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ވެއްޖެ ހާލެއްގައި އެފަދަ ގޮތުގައި އެއެއްޗެއް ގެންގުޅުނު މީހަކު ކުށްވެރިވާނެއެވެ. މިފަދަ ކުށްވެރިއެއްގެ އަދަބަކީ ގިނަވެގެން 1 އަހަރު ދުވަހަށް ޖަލަށްލުން ނުވަތަ ގިނަވެގެން 1 އަހަރު ދުވަހަށް އަރުވާލުން ނުވަތަ ގިނަވެގެން 3 މަސް ދުވަހަށް ގޭގައި ބަންދުކުރުން ނުވަތަ ގިނަވެގެން 100 (ސަތޭކަ) ރުފިޔާއިން ޖޫރިމަނާ ކުރުމެވެ.

 

117 ވަނަ މާއްދާ - ގަސްކެނޑުން އިމާރާތް ރޫޅުން ނުވަތަ ފާރުވެއްޓުމާ ބެހޭގޮތުން ފަރުވާ ކުޑަކުރުން

ގަސްކެނޑުން އިމާރާތް ރޫޅުން ނުވަތަ ރޭނުންގަނޑު ވެއްޓުމާމެދު ފަރުވާކުޑަ ވެގެން ނުވަތަ އެބާވަތުގެ ކަންތައްތަކާމެދު ހަމަޖެހިފައިވާ އޮންނަ ގަވާއިދު ނުވަތަ ގާނޫނާ ހިލާފުވުމުގެ ސަބަބުން، ނުވަތަ އެބާވަތުގެ ކަމެއް ކުރާއިރު އެކުރާ ބަޔަކާއި އަދި އެހެން މީހުންވެސް ރައްކާތެރި ކުރުމަށްޓަކައި އަޅަންވީ ފިޔަވަޅެއް ނޭޅުމުގެ ސަބަބުން މީހެއްގެ ފުރާނައަށް ނުރައްކަލެއް މެދުވެރިވެއްޖެނަމަ ނުވަތަ އެއްވެސް މީހަކަށް ނުވަތަ މުދަލަކަށް ގެއްލުމެއް ނުވަތަ އަނިޔާއެއް ލިބިއްޖެނަމަ އެގަސް ކެނޑުން، އިމާރާތް ރޫޅުން ނުވަތަ ރޭނުންގަނޑު ވައްޓާލުމުގައި ފަރުވާކުޑަކޮށް އަމަލުކުރި މީހަކު ނުވަތަ ބަޔަކު ކުށްވެރި ވާނެއެވެ. މިފަދަ ކުށްކުރި މީހެއް ނުވަތަ ބައެއްގެ އަދަބަކީ ގިނަވެގެން 1 އަހަރު ދުވަހަށް ޖަލަށްލުން، ނުވަތަ ގިނަވެގެން 1 އަހަރު ދުވަހަށް އަރުވާލުން ނުވަތަ ގިނަވެގެން 1 އަހަރު ދުވަހަށް ގޭގައި ބަންދުކުރުން ނުވަތަ ޖޫރިމަނާއެއް ކުރުމެވެ.

 

118 ވަނަ މާއްދާޖަނަވާރު ގެންގުޅުމުގައި ފަރުވާކުޑަވެގެން ނުރައްކާތެރި ގޮތެއް ނުވަތަ ގެއްލުމެއް މެދުވެރިވުން

މީހަކު ގެންގުޅޭ ނުވަތަ ބަލަހަށްޓާ ޖަނަވާރަކާމެދު އެކަށީގެންވާވަރަށް ބެލެހެށްޓުމުގައި ފަރުވާކުޑަ ވެގެން ނުވަތަ އެކަމަށް އޮންނަ ގަވާއިދު ނުވަތަ ގާނޫނަކާ ހިލާފުވުމުގެ ސަބަބުން މީހެއްގެ ފުރާނައަށް ނުރައްކަލެއް މެދުވެރި ވެއްޖެނަމަ، ނުވަތަ އެއްވެސް މީހަކަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް އެފަދަ ޖަނަވާރެއްގެ ފަރާތުން ލިބިއްޖެނަމަ އެޖަނަވާރެއް ގެންގުޅޭ ނުވަތަ ބަލަހަށްޓާ ފަރާތެއް ކުށްވެރި ވާނެއެވެ. މިފަދަ ކުށްވެރިއަކަށް ދެވޭ އަދަބަކީ ގިނަވެގެން 1 އަހަރު ދުވަހަށް ޖަލަށްލުން ނުވަތަ ގިނަވެގެން 1 އަހަރު ދުވަހަށް އަރުވާލުން ނުވަތަ ޖޫރިމަނާއެއް ކުރުމެވެ.

 

އިންތިހާބާބެހޭކުށް

119 ވަނަ މާއްދާ – ކެންޑިޑޭޓް

މިޗެޕްޓަރުގެ މަގްސަދަށްޓަކައި

(ހ) "ކެންޑިޑޭޓް" ގެ މާނައަކީ އިންތިހާބުގެ ގާނޫނު ނުވަތަ ގަވާއިދާ ބުނާގޮތުން އިންތިހާބަކަށް ކުރިމަތިލާފައިވާ މީހާއެވެ. "ކެންޑިޑޭޓް" ގެ މާނައިގައި މިގާނޫނު ބުނާގޮތުން ކުށްވެރި ވާނީ އޭނާގެ ނަން އެކަމަށް އޮންނަ ގާނޫނު ނުވަތަ ގަވާއިދެއް ބުނާގޮތުން އިންތިހާބަކަށް ކުރިމަތިލީ މީހެއްގެ ގޮތުގައި ރަޖިސްޓަރީ ވުމުންނެވެ.

(ށ) އިލެކްޓޯރަލް ރައިޓް ނުވަތަ އިންތިހާބީ ހައްގު

އިލެކްޓޯރަލް ރައިޓް ނުވަތަ އިންތިހާބީ ހައްގުގެ މާނައަކީ ގާނޫނާ ގަވާއިދު ހުއްދަކުރާ ގޮތުން ކެންޑިޑޭޓެއްގެ ގޮތުގައި ވުމަށާއި ނުވުމަށް މީހުންނަށް ލިބިފައިވާ ހައްގާއި އިހްތިޔާރާ ހަމަ މިގޮތަށް އިންތިހާބެއްގައި ވޯޓް ދިނުމާއި ނުދިނުމަށް މީހުންނަށް ލިބިފައިވާ ހައްގާއި އިހްތިޔާރެވެ.

 

120 ވަނަ މާއްދާ – އިންތިހާބީހައްގަކަށްޓަކައި ރިށްވަތު ދިނުން

(ހ) އެއްވެސް އިންތިހާބީ ހައްގެއްގެ ފައިދާ ވަކި ފަރާތަކަށް ލެންބުމަށްޓަކައި ނުވަތަ ވަކިގޮތަކަށް އެފަދަ ހައްގެއްގެ ބޭނުމެއް ކުރީތީވެ އެއްވެސް އެއްޗެއް ށުކުރެއްގެ ގޮތުން ނުވަތަ ހަދިޔާއެއްގެ ގޮތުން ވިޔަސް ދޭމީހާ އެކުރަނީ ކުށެކެވެ.

(ށ) އިންތިހާބީހައްގަކަށްޓަކައި  ރިށްވަތު ގަބޫލުކުރުން

ހ. ގައި އެބުނާގޮތަށް ދޭ އެއްޗެއް ބަލައިގަންނަ މީހާ އެކުރަނީވެސް ކުށެކެވެ.

(ނ) ހ. ށ. ގައި އެބުނާ ކުށަކީ ރިށްވަތު ދިނުމާއި ހިފުން ކަމުގައި ބެލެވޭނެއެވެ.

(ރ) އިންތިހާބަކާ ބެހިގެން ރައްޔިތުންނަށް ވައްދުކުރުން

ކެނޑިޑޭޓަކު އާންމު ފައިދާއަށްޓަކައި ކުރާނެ ހިދްމަތެއް ނުވަތަ އުފުލާނެ ބުރައެއްގެ ވާހަކަ ބުނުން އެއީ ރިށްވަތެއް ދޭން އުޅުނީ ކަމަކަށް ނުބެލެވޭނެއެވެ. ނަމަވެސް އެނޫން ގޮތުގައި ޕްރައިވެޓް ހައްގުތަކެއް ނުވަތަ ވަކި ބަޔަކަށް ނުވަތަ މީހަކަށް ފައިދާއެއް ކޮށްދޭނެ ކަމުގެ ވައްދު (އޭގެ އަސްލަކީ މުޅި ރައްޔިތުންގެ ފައިދާ ކަމުގައި ނުވާނަމަ) ކުށެއް ކަމުގައި ބެލިދާނެއެވެ.

(ބ) ރިށްވަތުދޭން ބާރުއެޅުމާއި އެހީވުމާއި ބައިވެރިވުން

(ހ) އާއި (ށ) ގައި ބުނާފަދައިން ރިށްވަތު ދޭން ބާރު އެޅުމާއި ބަލައިގަތުމަށް ބާރުއެޅުމަކީވެސް ކުށެކެވެ. މިބުނީ ބާރު އެޅުމުގެ ތެރޭގައި އެއިންކަމަކަށް ނަސޭހަތްތެރިވުން އެއިން ކަމެއް ކުރުމަށް ބާރުއަޅާ ލިޔުމެއް އެއްވެސް ފަރާތަކަށް ރައްދުކުރުން، ދިނުން ނުވަތަ (ހ) ގައި ބުނާފަދަ އެއްޗެއް ދިނުމުގައި ނުވަތަ ރައްދު ކުރުމުގައި ނުވަތަ ހޯދުމުގައި ބައިވެރިވުން ނުވަތަ އެހީތެރިވުންވެސް ހިމެނެއެވެ

(ޅ) ރިށްވަތުގެކުށުގެ އިތުރު ބައިތަކެއް

(ހ) ގައި އެބުނާފަދަ އެއްޗެއް ދިނުމަށް އެއްބަސްވުން، ބަލައިގަތުމަށް އެއްބަސްވުން، ނުވަތަ މިއިން ކަމަކަށާއި އަދި އެފަދަ އެއްޗެއް ހޯދުމަށް އެހީވެދިނުމަށް އެއްބަސް ވުމަކީވެސް ރިށްވަތުގެ ކުށުން ކުށްވެރިވާ ކަންތަކެވެ.

(ކ) ރިށްވަތުގެ މާނައިގައި ކެއުމާއި ބުއިން

(ހ) ގައި އެބުނާފަދަ "އެއްޗެއް" ގެ ތެރޭގައި ކެއިންބުއިމުގެ ސާމާނު ނުވަތަ ކާންބޯން ދިނުންވެސް ހިމެނެއެވެ.

     މިމާއްދާގައި ބުނެވިދިޔަފަދަ ރިށްވަތުގެ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ ގިނަވެގެން 1 އަހަރު ދުވަހަށް ޖަލަށްލުން، ނުވަތަ އެއްއަހަރަށްވުރެ ދިގުނޫން މުއްދަތަކަށް އަރުވާލުން ނުވަތަ ގިނަވެގެން 6 މަސް ދުވަހަށް ގޭގައި ބަންދުކުރުން ނުވަތަ ޖޫރިމަނާއެއް ކުރުމެވެ.

 

121 ވަނަ މާއްދާ - "އެކަށީގެންނުވާ ނުފޫޒު"

އަނެކެއްގެ އިންތިހާބީ ހައްގަކާ ގާނޫނީގޮތުން ނޭދެވޭ ގޮތަކަށް ބެހި  ނުވަތަ އެފަދަ ހައްގަކާމެދު ގަދަރާއި އިހްތިރާމް ކުޑަކުރުމުގެ ސަބަބުން އަނެކަކަށް އެހައްގު މިނިވަން ގޮތުގައި އިހްތިޔާރު ކުރުމަށް ހުރަސް އަޅައިފިނަމަ އެމީހަކު އިންތިހާބުގައި "އެކަށީގެންނުވާ ނުފޫޒެއް" ހިންގި މީހެއްގެ ގޮތުގައި ކުށްވެރި ވާނެއެވެ. އަދި މިބުނި ގޮތުގެ ތެރޭގައި އަންނަނިވި ކަންތައްތައްވެސް ހިމެނެއެވެ.

(ހ) "ބިރުދެއްކުން" ނުވަތަ "ބިރުގެންނެވުން"

އިންތިހާބީ ހައްގުގެ ވެރިއަކަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ކޮށްފާނެ ކަމުގެ ބިރުދެއްކުން ނުވަތަ އެމީހަކު މަސްލަހަތު ރައްކާތެރިކުރަން ޖެހިފައިވާ ފަރާތަކަށް އެފަދަ އަނިޔާއެއް ކޮށްފާނެ ކަމުގެ ބިރު ދެއްކުން.

(ށ) އިންތިހާބީ ހައްގުގެ ވެރިޔެއް ނުވަތަ އެމީހަކު މަސްލަހަތު ބަލަހަށްޓަންޖެހޭ މީހެއް ބިރުގެންނެވުން ނުވަތަ ބިރުގަންނަވަން މަސައްކަތް ކުރިކަން ސާބިތުވުން، ނުވަތަ ބިރުގެންނެވުމުގެ ތެރޭގައި ކަލާނގެ ރުހިވޮޑި ނުގަތުމެއް އެއިން ފަރާތެއްގެ މައްޗަށް އޮވެދާނެ ވާހަކަ ދެއްކުން.

(ނ) އިންތިހާބެއްގައި ހީލަތް ހެދުން

އެއްވެސް އިންތިހާބެއްގައި ތިމާގެ ނަންނޫން އެހެން ނަމެއްގައި، ވޯޓް ދިނުމާއި ތިމާގެ ނަމުގައިވިޔަސް އެއްފަހަރަށްވުރެ ގިނަފަހަރު ވޯޓް ދިނުމާއި މިއިން ކަމެއް ކުރުމަށް އެއްވެސް މާނައެއްގައި ނުވަތަ ހާލެއްގައި އެހީވެދިނުމަކީވެސް ކުށެކެވެ.

 

122 ވަނަ މާއްދާ – އެކަށީގެންނުވާ ނުފޫޒެއް ބޭނުންކުރި މީހަކަށްދެވޭއަދަބު

އެކަށީގެންނުވާ ނުފޫޒެއް އާންމު އިންތިހާބެއްގައި ހިންގައިފި، ނުވަތަ ހިންގަން އުޅެފިކަން ސާބިތު ވެއްޖެ މީހެއްގެ އަދަބަކީ ޖޫރިމަނާއެއް ކުރުމެވެ.

 

123 ވަނަ މާއްދާ 

120، 121 ވަނަ މާއްދާގައި ބުނެފައިވާފަދަ ކުށެއް ކެންޑިޑޭޓަކު ކޮށްފިނަމަ، މިގާނޫނުގައި ބުނެފައިވާ އަދަބުގެ އިތުރަށް ގިނަވެގެން 5 އަހަރު ދުވަހަށް އިންތިހާބަކާ ކުރިމަތިލުން މަނާ ކުރެވިދާނެއެވެ.

 

124 ވަނަ މާއްދާ - މިގާނޫނުގައި އިންތިހާބް

މިގާނޫނުގައި އިންތިހާބުގެ މާނައިގެ ތެރޭގައި ރައްޔިތުންގެ މަޖިޅީހުގެ މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބުގެ އިތުރަށް ހިމެނޭނީ ގާނޫނީގޮތުން ދައުލަތުގެ ފަރާތުން ކުރާ އަމުރަކަށް ނުވަތަ ހަދާ ގަވާއިދެއްގެ މަތިން ރައްޔިތުންގެ ރައުޔު ހޯދުމަށް ނަގާ ވޯޓެވެ.

 

 

ދޮގުވާހަކަ ދެއްކުމުގެ ކުށް

 

125 ވަނަ މާއްދާ – ހަދައިގެން، ނުވަތަ ސާބިތު ނުހިފޭ ވާހަކަ ދެއްކުން

ހަދައިގެން ވާހަކައެއް ދައްކައިފިނަމަ، ނުވަތަ އިވުނު ވާހަކައެއް ދެއްކި މީހަކު ސާބިތުކޮށް ނުދެވޭ ގޮތެއްގައި ދައްކައިފިނަމަ އެމީހެއްގެ އަދަބަކީ މަދުވެގެން 1 މަސް ދުވަހާއި 6 މަސް ދުވަހާ ދެމެދުގެ މުއްދަތަކަށް ގޭގައި ބަންދު ކުރުމެވެ. ނުވަތަ 25 (ފަންސަވީސް) ރުފިޔާއާއި 200 (ދުއިސައްތަ) ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް ކުރުމެވެ. (ދައުލަތުގެ ކަމާބެހޭ ފަރާތަކަށް ރިޕޯޓެއް ދިނުން މީގެތެރޭގައި ނުހިމެނެއެވެ.)

 

 

މާރާމާރީގެ ކުށް

 

126 ވަނަ މާއްދާ – މާރާމާރީ

ދެމީހަކު ނުވަތަ ބަޔަކު ގައިރުގާނޫނީ އެއްވުމަކަށް ނުހިމެނޭގޮތުން އެކަކު އަނެކަކުގެ ގަޔަށް ރުހުމާ ނުލައި ރުޅިވެރިކަމުގެ ގޮތުން އަތްލައިފިނަމަ، ނުވަތަ އެގޮތުން އަތްލައި ތަޅާފޮޅައި ހަދައިފިނަމަ އެއީ މާރާމާރީއެކެވެ. މިފަދަ އަމަލެއް ހިންގައިފި މީހަކަށް ނުވަތަ ބަޔަކަށް ދެވޭ އަދަބަކީ ގިނަވެގެން 200ރ (ދުއިސައްތަ)  އިން ޖޫރިމަނާ ކުރުން، ނުވަތަ ގިނަވެގެން 6 މަސް ދުވަހުގެ މުއްދަތަކަށް އަރުވާލުން، ނުވަތަ ގިނަވެގެން 6 މަސް ދުވަހަށް ޖަލަށްލުން ނުވަތަ ގިނަވެގެން 6 މަސް ދުވަހަށް ގޭގައި ބަންދު ކުރުމެވެ.

 

127 ވަނަ މާއްދާ – ތޫނުއެއްޗަކާއެކު މާރާމާރީގައި ބައިވެރިވުން

މީހަކު މަރާލެވިދާފަދަ ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއްގެ ގޮތުގައި ބޭނުން ކޮށްފިނަމަ އެއެއްޗަކީ މީހަކު މަރާލެވިދާފަދަ އެއްޗެއް ކަމުގައި ހިމެނިދާނެ އެއްޗަކާއެކު މާރާމާރީއެއް ހިންގައިފިނަމަ، އެފަދަ ކުށްވެރިއަކަށް ދެވޭ އަދަބަކީ 500 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކަށް ޖޫރިމަނާ ކުރުން، ނުވަތަ 3 މަސް ދުވަހާއި 1 އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް އަރުވާލުން، ނުވަތަ އެދެމެދުގެ މުއްދަތަކަށް ޖަލަށްލުން، ނުވަތަ އެދެމެދުގެ މުއްދަތަކަށް ގޭގައި ބަންދު ކުރުމެވެ.

 

128 ވަނަ މާއްދާ – މާރާމާރީގެ ސަބަބުން ލިބޭ ނުރައްކާތެރި ހާނީއްކަ

މާރާމާރީގެ ސަބަބުން މީހެއްގެ ހަށިގަނޑަށް ނުރައްކާތެރި ހާނީއްކައެއް ވެއްޖެނަމަ އެކަމުގައި ކުށްވެރިވާ މީހަކަށް ދެވޭ އަދަބަކީ 100 (ސަތޭކަ) އިން ފެށިގެން 5000 (ފަސްހާސް) ރުފިޔާއާ ދެމެދުން ޖޫރިމަނާ ކުރުން، ނުވަތަ 6 މަސް ދުވަހުން ފެށިގެން 5 އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް އަރުވާލުން، ނުވަތަ އެދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

މިފަދަ ގެއްލުމެއް ލިބުނު ފަރާތަކުން ދައްވާ ކޮށްފިނަމަ ގެއްލުންދިން ފަރާތަކުން ގެއްލުން ލިބުނު ފަރާތަކަށް އެކަށޭނެ ބަދަލެއް ދިނުމުގެ މައްސަލަ ށަރީއަތުން ނިންމަންވާނެއެވެ.

 

129 ވަނަ މާއްދާ – މާރާމާރީގެ ސަބަބުން މީހެއްގެ ގުނަވަނެއް ނެތިދިޔުން

މާރާމާރީގެ ސަބަބުން އިސްލާމީ ށަރީއަތުގައި ދިޔަދިނުން ލާޒިމުވާ ގުނަވަނެއް ފަސޭހަ ނުވާފަދަ ގޮތަކަށް ހަލާކުވެއްޖެނަމަ ނުވަތަ ނެތިވެ ހިނގައްޖެނަމަ، ނުވަތަ ބޭކާރު ވެއްޖެނަމަ   އެފަދަ ކުށެއްކުރި މީހަކަށް ދެވޭ އަދަބަކީ، ށަރީއަތުގައި ކަނޑައެޅޭ ދިޔައިގެ އިތުރަށް 5 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް އަރުވާލުން، ނުވަތަ އެދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

130 ވަނަ މާއްދާ 

މާރާމާރީއެއްގެ ސަބަބުން މީހެއްގެ އެނޫން (129 ވަނަ މާއްދާގައި ނުހިމެނޭ) ގުނަވަނެއް ހަލާކުވެ ނުވަތަ ނެތިވެގޮސް ނުވަތަ ބޭކާރު ވެއްޖެނަމަ އެފަދަ ކުށެއްކުރި މީހަކަށް ދެވޭ އަދަބަކީ 1 އަހަރު ދުވަހުން ފެށިގެން 5 އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް އަރުވާލުން، ނުވަތަ އެދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. 

މިފަދަ ގެއްލުމެއް ލިބުނު ފަރާތަކުން ދައްވާ ކޮށްފިނަމަ ގެއްލުންދިން ފަރާތަކުން ގެއްލުން ލިބުނު ފަރާތަކަށް އެކަށޭނެ ބަދަލެއް ދިނުމުގެ މައްސަލަ ށަރީއަތުން ނިންމަންވާނެއެވެ.

 

 

ވައްކަން، ޓެކުން، ހިޔާނާތްތެރިވުމާއި މަކަރާއި ހީލަތް އަދި ފޭރުމުގެ ކުށް

 

131 ވަނަ މާއްދާ 

(ހ) ވައްކަން، ޓެކުން، ހިޔާނާތްތެރިވުމާއި، މަކަރާއި ހީލަތް އަދި ފޭރުން މިކަންކަމުގެ އަދަބު ކަނޑައަޅާނީ އެމީހަކު އެކުށްކުރި ފުރަތަމަ ފަހަރު 6 މަސް ދުވަހުން ފެށިގެން 1 އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް، ދެވަނަ ފަހަރު 2 އަހަރަށް، ތިންވަނަ ފަހަރު 3 އަހަރަށް، ހަތަރުވަނަ ފަހަރު 4 އަހަރު ދުވަހުގެ މުއްދަތަށް އަރުވާލުމަށް، ނުވަތަ ޖަލަށްލުމަށެވެ. މިގޮތުން އިތުރުވާ ކޮންމެ ފަހަރަކު 1 އަހަރު ދުވަހުގެ މުއްދަތު އަރުވާލުމަށް ނުވަތަ ޖަލަށްލުމަށް އިތުރުވާ އުސޫލުންނެވެ. އަދި މިގާނޫނުގެ 132، 134، 135، 136، 137، 138، 139، 140، 141، 142، 143، 144، 145، 146، 147، 148، މިމާއްދާތަކުގެ ދަށުން އަމަލު ކުރެވޭނެއެވެ.

(ށ) ބަނޑުހައި ހޫނުކަމުގެ ސަބަބުން ކުރާ ކުދިކުދި ވައްކަމުގައި އެކުށްކުރި މީހެއްގެ އަދަބަކީ 6 މަސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ގޭގައި ބަންދު ކުރުމެވެ. ނުވަތަ 100 ރުފިޔާއަށްވުރެ ގިނަނޫން އަދަދަކަށް ޖޫރިމަނާ ކުރުމެވެ.

 

132 ވަނަ މާއްދާ 

ވަގަށްނެގި ނުވަތަ ޓެކުނު ނުވަތަ ހިޔާނާތްތެރިވި ނުވަތަ މަކަރާއި ހީލަތްހެދި ނުވަތަ ފޭރުނު މުދަލުގެ އަގު 10،000 ރުފިޔާއިން ފެށިގެން މަތީ އަދަދަކަށް ވެއްޖެނަމަ، ކޮންމެ 1،000 ރުފިޔާއަކަށް 1 މަސްދުވަސް އަރުވާލުން ނުވަތަ ޖަލަށްލާންޖެހޭ މުއްދަތުގެ ތެރެއަށް އިތުރުކުރުން.

 

133 ވަނަ މާޢްދާ - ގާނޫނު ނަންބަރު 1987-04 އިން 133 ވަނަ މާއްދާވަނީ އުވާލެވިފައެވެ.

 

134 ވަނަ މާއްދާ 

(ހ) ވައްކަން ކުރުން، ޓެކުން، ހިޔާނާތްތެރިވުން، އަދި ފޭރުން މިއިން ކުށެއް 16 އަހަރު ނުފުރޭ ކުއްޖަކު ކޮށްފިނަމަ، އެކުށްވެރިޔާގެ އަދަބަކީ 1 އަހަރަށްވުރެ ގިނަނޫން މުއްދަތަކަށް ގޭގައި ބަންދު ކުރުމެވެ.

(ށ) އާންމު ގޮތެއްގައި މިކަން މިހެން ހަމަޖެހިފައި އޮތްނަމަވެސް މިގޮތުން ބަންދުކުރާ ކުދިންގެ ތެރެއިން އެހެން އެއްވެސް ގޮތެއް ނެތިއްޖެ ކުއްޖަކު (އޭނާ ކުރާ ވައްކަމުގެ ކުޑަބޮޑުމިނުން ނުވަތަ ގިނައިން ވައްކަން ކުރަމުންދާ ކުއްޖަކަށް ވުމުގެ ސަބަބުން އަރުވާލުމަށް ފެނިއްޖެނަމަ) އަރުވާލުން. މި ގޮތުން އަރުވާލެވޭނީ އެކުއްޖެއްގެ އަމަލުތައް ހުންނަ ގޮތެއްގެ މައްޗަށް ވިސްނައި އަދި އެކަމެއް ކޮށްފައިވާ ގޮތަކާމެދުވެސް ބަލައި، ގޭގައި ބަންދުވެފައި ހުރުމުން ނުރަނގަޅު ގޮތްތަކެއް މެދުވެރިވެދާނެކަމަށް ފެނިއްޖެ ހާލެއްގައެވެ.

(ނ) މިގޮތުން ގޭގައި ބަންދު ކުރެވިފައިވާ ކުދިން އެކުދިންގެ އަދަބުގެ މުއްދަތު ހަމަ ނުވަނީސް އެބާވަތުގެ ކުށް ކޮށްގެން (އެފަދަ ކުށް ތަކުރާރު ކުރުމުންނާއި ކުށުގެ ކުޑަބޮޑުގެ ނިސްބަތުން) އަރުވާލަން ޖެހިއްޖެނަމަ އަރުވާލަންޖެހޭ މުއްދަތުން ގޭގައި ބަންދު ކުރެވިފައިވާ މުއްދަތުގެ ތެރެއިން، ބާކީއޮތްބައި ކަނޑާފައި އޮންނަ މުއްދަތަކަށް އަރުވާލުން.

(ރ) މިގާނޫނުގައިވާ ގޮތުގެ މަތިން ކުޑަކުދިން އަރުވާލަންޖެހޭ މައްސަލަތައް ނިންމާނީ އެކަމަށް ކަނޑައެޅިފައިވާ ގަވާއިދުތަކުގެ މަތިންނެވެ.

 

135 ވަނަ މާއްދާ 

ވައްކަމުގެ އަދަދު ބަލާނީ މިހާތަނަށް ކޮށްފައިވާ ވައްކަން (މިގާނޫނަށް އަމަލު ކުރަން ފެށޭއިރު ހުށަހެޅިފައިވާ ނުވަތަ ހުށަހެޅި ނިމިފައިވާ)  އެއީ 1 ވަނަ ވައްކަން ކަމުގައެވެ. އަދި ޓެކުން، ހިޔާނާތްތެރިވުން، ފޭރުން މިކަންކަމުގެ އަދަދުވެސް ބަލާނީ، މިއުސޫލުންނެވެ. މަކަރާއި ހީލަތުގެ އަދަދު ބަލާނީ މިގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށޭއިރު ހުށަހެޅިފައި ނުވަތަ ހުށަހެޅި ނިމިފައިވާ، ކަންތައް އެއީ 1 ވަނަ ކަންތައް ކަމުގައެވެ.

 

136 ވަނަ މާއްދާޖަމާއަތް ހަދައިގެން ވައްކަން ކުރުން ނުވަތަ ފޭރުން

ވައްކަން ކުރުމުގައި، ނުވަތަ ފޭރުމުގައި ޖަމާއަތް ހަދައިގެން ނުވަތަ އެކަކަށްވުރެ ގިނަމީހުން ބައިވެރިވެގެން ވައްކަން ކޮށްފިނަމަ، ނުވަތަ ފޭރުނުނަމަ އެކަމުގައި ބައިވެރިވި ކޮންމެ މީހެއްގެ މައްޗަށް ނުވަތަ ވައްކަން ކުރަމުންދާ ނުވަތަ ފޭރޭ ޖަމާއަތަކާ ގުޅިގެން ވައްކަމެއް ކޮށްފި ނުވަތަ ފޭރުނު މީހެއްގެ މައްޗަށް މިގާނޫނުގެ 131 ވަނަ މާއްދާއާއި 132 ވަނަ މާއްދާގެ ދަށުން ކަނޑައެޅޭ އަދަބުގެ ތެރެއަށް، 6 މަސް ދުވަހާއި 3 އަހަރާ ދެމެދުގެ މުއްދަތަކަށް އަރުވާލުން، ނުވަތަ ޖަލަށްލުމުގެ އުގޫބާތް އިތުރު ކުރެވޭނެއެވެ.

 

137 ވަނަ މާއްދާތަނެއް ނުވަތަ އެއްޗެއް ހަލާކު ކޮށްގެން ވައްކަން ކުރުން

މީހަކަށް ނުވަތަ ބަޔަކަށް އެއްވެސްކަހަލަ ބިރެއް ދެއްކުމަކާ ނުލައި، އިމާރާތެއް ނުވަތަ އެއްޗެއް ހަލާކު ކޮށްލައިގެން ވައްކަން ކޮށްފި މީހެއްގެ އުގޫބާތަކީ މިގާނޫނުގެ 131 ވަނަ މާއްދާއާއި 132 ވަނަ މާއްދާގެ ދަށުން ކަނޑައެޅޭ އުގޫބާތުގެ އިތުރަށް 1 އަހަރާއި 5 އަހަރާ ދެމެދުގެ މުއްދަތަކަށް އަރުވާލުން، ނުވަތަ ޖަލަށްލުމެވެ.

 

138 ވަނަ މާއްދާމީހުން ދިރިއުޅޭ ތަންތަނުން ވައްކަންކުރުމާއި ފޭރުން

މީހުން ދިރިއުޅޭ ގޯތިގެދޮރާއި ބަނޑަހަފަދަ ތަންތަނާއި، މީހުން ތިބޭގޮތަށް ހަމަޖެހިގެން މީހުން އުޅެމުންދާ ހޮޓާ، ފިހާރަފަދަ ތަންތަނަށް ވަދެގެން ނުވަތަ މީހުންތިބި، ކަނޑުގައި ފުރާދުއްވާ އުޅަނދަކަށް އަރައިގެން ވައްކަން ކޮށްފި ނުވަތަ ފޭރި ހަދައިފި މީހެއްގެ އުގޫބާތަކީ މިގާނޫނުގެ 131 ވަނަ މާއްދާއާއި 132 ވަނަ މާއްދާގެ ދަށުން ކަނޑައެޅޭ އުގޫބާތުގެ އިތުރަށް 6 މަސް ދުވަހާއި 2 އަހަރާ ދެމެދުގެ މުއްދަތަކަށް އަރުވާލުން ނުވަތަ ޖަލަށްލުމެވެ.

 

139 ވަނަ މާއްދާ – ވައްކަންކުރުމާއި ފޭރުމުގައި ހަތިޔާރު ގެންގުޅުން

ތޫނު އެއްޗެއް، ނުވަތަ ހަތިޔާރެއްގެ ގޮތުގައި އެއެއްޗެއް ބޭނުން ކޮށްފިނަމަ އެއިން މީހަކަށް ނުރައްކާތެރި އަނިޔާއެއް ދެވިދާފަދަ އެއްޗެއް ބޭނުން ކޮށްގެން ނުވަތަ އެފަދަ އެއްޗެއްގެ ބިރު ދައްކައިގެން ވައްކަން ކޮށްފިނަމަ، ނުވަތަ ފޭރިގެންފިނަމަ އެމީހެއްގެ އަދަބަކީ، މިގާނޫނުގެ 131 ވަނަ މާއްދާއާއި 132 ވަނަ މާއްދާގެ ދަށުން ކަނޑައެޅޭ އުގޫބާތުގެ އިތުރަށް 2 އަހަރާއި 7 އަހަރާ ދެމެދުގެ މުއްދަތަކަށް އަރުވާލުން ނުވަތަ ޖަލަށްލުމެވެ.

ނޯޓް: ކުށްކުރާއިރު އެހެން ބަޔަކަށް ފެންނާނޭހެން ތޫނު އެއްޗެއް ނުވަތަ ހަތިޔާރަކަށް ހިމެނިދާފަދަ އެއްޗެއް ގެންގުޅުމަކީ ބިރުދެއްކުމެކެވެ.

 

140 ވަނަ މާއްދާ 

ވައްކަމެއް ނުވަތަ ފޭރުމެއްގެ ތެރޭގައި ނުވަތަ އެފަދަ ކަމެއް ކުރުމަށްޓަކައި ހިންގާ ހަރަކާތެއްގެ އެއްވެސް ބައެއްގައި، ބޭނުންކުރުމާއި އަދި ބިރުދެއްކުމާ ނުލައި ތޫނު ހަތިޔާރެއް ގެންގުޅެފައިވާކަން ސާބިތުވެއްޖެނަމަ އެފަދަ ކުށްވެރިޔެއްގެ އަދަބަކީ މިގާނޫނުގެ 131 ވަނަ މާއްދާއާއި 132 ވަނަ މާއްދާގައި ކަނޑައެޅޭ އުގޫބާތުގެ އިތުރަށް 1 އަހަރާއި 3 އަހަރާ ދެމެދުގެ މުއްދަތަކަށް އަރުވާލުން ނުވަތަ ޖަލަށްލުމެވެ.

 

141 ވަނަ މާއްދާ 

ވައްކަމެއް ނުވަތަ ފޭރުމެއްގެ ތެރޭގައި ހަތިޔާރެއްކަމުގައި ހިމެނިދާފަދަ އެއްޗަކުން މީހަކާ ދެކޮޅަށް ބޭނުމެއް ކޮށްފައިވާނަމަ އެކަންކުރި، ނުވަތަ އެކަމުގައި ބައިވެރިވި މީހެއްގެ އަދަބަކީ މިގާނޫނުގެ 131 ވަނަ މާއްދާއާއި 132 ވަނަ މާއްދާގެ ދަށުން ކަނޑައެޅޭ އުގޫބާތުގެ އިތުރަށް 5 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް އަރުވާލުން ނުވަތަ ޖަލަށްލުމެވެ. މިމާއްދާގައި ބަޔާންވެދިޔަފަދަ އަމަލަކުން މީހެއްގެ ހަށިގަނޑަށް ނުވަތަ މިލްކަކަށް އެއްވެސް ކަހަލަ ގެއްލުމެއް ލިބިފައިވާނަމަ މިމާއްދާގައި ކަނޑައެޅުނު އުގޫބާތް 15 އަހަރާ ހަމަޔަށް އިތުރުކުރެވިދާނެއެވެ.

 

142 ވަނަ މާއްދާ 

ހަވީރު 6.00 ން ހެނދުނު 6.00 އާ ދެމެދުގައި ހަތިޔާރު ހިފައިގެން ވައްކަންކުރުމާއި ފޭރުމުގެ ކުށްކުރާ މީހުންނަށް މިގާނޫނުގެ 139، 140، 141، މިމާއްދާތަކުގެ ދަށުން އުގޫބާތް ދިނުމުގައި އުގޫބާތް ބޮޑުކުރެވޭނެއެވެ.

 

143 ވަނަ މާއްދާ – ސަރުކާރުގެ މުދަލުން ވައްކަން ކުރުމާއި، ފޭރުމާއި ހިޔާނާތްތެރިވުމާއި އަދި ސަރުކާރަށް މަކަރާއިހީލަތްހެދުން

ސަރުކާރުގެ މުދަލަކަށް ހިޔާނާތްތެރިވެ، ނުވަތަ ސަރުކާރުގެ މުދަލަކުން ވައްކަންކޮށްފި ނުވަތަ ސަރުކާރުގެ މުދަލެއް ފޭރިއްޖެ ނުވަތަ ސަރުކާރުގެ މުދަލަކަށް މަކަރާއި ހީލަތް ހަދައިފި މީހެއްގެ އުގޫބާތަކީ މިގާނޫނުގެ 131 ވަނަ މާއްދާއާއި 132 ވަނަ މާއްދާގެ ދަށުން ކަނޑައެޅޭ އުގޫބާތުގެ އިތުރަށް 2 އަހަރާއި 5 އަހަރާ ދެމެދުގެ މުއްދަތަކަށް އަރުވާލުން ނުވަތަ ޖަލަށްލުމެވެ.

 

144 ވަނަ މާއްދާ 

ސަރުކާރުގެ މުދަލަކުން ވައްކަންކުރި ނުވަތަ ސަރުކާރުގެ މުދަލަކަށް ހިޔާނާތްތެރިވި ނުވަތަ ސަރުކާރުގެ މުދަލެއް ފޭރުނު ނުވަތަ ސަރުކާރުގެ މުދަލަކަށް މަކަރާއި ހީލަތްހެދި މީހަކު، އެގޮތުން ހޯދި މުދަލަކުން ގެދޮރާއި އެނޫންވެސް މުދާ ހޯދާފައި، ނުވަތަ އުފައްދާފައިވާކަން ސާބިތުވާނަމަ، ނުވަތަ ވަގައްނެގި ނުވަތަ ހިޔާނާތްތެރިވި ނުވަތަ ފޭރުނު ނުވަތަ މަކަރާއި ހީލަތުން ހޯދި މުދަލުން އަމިއްލަ މުދާ އުފައްދާފައިވާ ކަމަށް ގަބޫލުކުރެވޭފަދަ ސަބަބުތަކެއް ހުރުމާއެކު، ވަގަށްނެގި ނުވަތަ ހިޔާނާތްތެރިވި ނުވަތަ ފޭރުނު ނުވަތަ މަކަރާއި ހީލަތުން ހޯދި މުދާ ދެއްކެން ނެތް ކަމަށް ބުނާނަމަ، އޭނާގެ އަތުގައިހުރި މުދަލުން، ނުވަތަ އެ މުދާ ވިއްކައިގެން ލިބޭ ފައިސާއިން އޭނާ ހިޔާނާތްތެރިވި ނުވަތަ ވަގަށްނެގި ނުވަތަ ފޭރުނު ނުވަތަ މަކަރާއި ހީލަތުން ހޯދި މުދަލުގެ އަގު ހޯދޭނެއެވެ.

 

145 ވަނަ މާއްދާ 

ސަރުކާރުގެ މުދަލަކުން ވައްކަންކުރީ އިމާރާތެއް ނުވަތަ ތަޅުލާފައިވާ ތަނެއް ނުވަތަ އެއްޗެއް ހަލާކޮށްގެން ކަމަށްވާނަމަ މިގާނޫނުގެ 143 ވަނަ މާއްދާއާއި 144 ވަނަ މާއްދާގެ ދަށުން ކަނޑައެޅޭ އުގޫބާތުގެ އިތުރަށް 137 ވަނަ މާއްދާގެ ދަށުންވެސް އަދަބު ދެވޭނެއެވެ.

 

146 ވަނަ މާއްދާ – މުދާބަލަހަށްޓާމީހާ އެމުދަލަކަށް ހިޔާނާތްތެރިވުން

އެއްވެސް ފަރާތެއްގެ މުދަލަކާ ހަވާލުވެގެންހުރި މީހަކު ނުވަތަ ތަން ބަލަހަށްޓާ ހިންގުމުގެ މަސްއޫލިއްޔަތެއް އޮތް މީހަކު އެމީހެއްގެ ދަށުގައިވާ މުދަލަކަށް ހިޔާނާތްތެރި ވެއްޖެނަމަ މި ގާނޫނުގެ 131، 132، 134، 136، 137، 138، 139، 140، 141، 142، 143، 144، 145، މިމާއްދާތަކުގެ ދަށުން ކަނޑައެޅޭ އަދަބުގެ ތެރެއަށް 1 އަހަރު ދުވަހުގެ މުއްދަތަށް އަރުވާލުން ނުވަތަ ޖަލަށްލުން އިތުރު ކުރެވޭނެއެވެ.

 

147 ވަނަ މާއްދާ – ވައްކަންކުރުމުގައި ނުވަތަ ފޭރުމުގައި މީހެއްގެ ހަށިގަނޑަށް ނުވަތަ މީހެއްގެ މިލްކަކަށް ނުވަތަ ތަނަކަށް ލިބޭ ގެއްލުމުގެ ބަދަލު ލިބިދިނުން

ވައްކަން ކުރުމުގައި ނުވަތަ ފޭރުމުގައި މީހެއްގެ ހަށިގަނޑަށް ނުވަތަ މީހެއްގެ މިލްކަކަށް ނުވަތަ ތަނަކަށް އެއްވެސްކަހަލަ ގެއްލުމެއް ލިބިފައިވާނަމަ އެކުށަކަށް ކަނޑައެޅިފައިވާ އުގޫބާތުގެ އިތުރަށް އެލިބިފައިވާ ގެއްލުމެއްގެ ބަދަލު ކުށްކުރި މީހާގެ ނުވަތަ މީހުންގެ މުދަލުން އަތުލައިދެވޭނެއެވެ.

 

148 ވަނަ މާއްދާ - ވަގަށްނެގި ނުވަތަ ޓެކުނު ނުވަތަ ހިޔާނާތްތެރިވިނުވަތަ މަކަރާއި ހީލަތްހެދި ނުވަތަ ފޭރުނު މުދަލުގެއަގު ބެލުން

ވަގަށްނެގި، ނުވަތަ ޓެކުނު، ނުވަތަ ހިޔާނާތްތެރިވި ނުވަތަ މަކަރާއި ހީލަތްހެދި ނުވަތަ ފޭރުނު މުދަލުގެ އަގު ބަލަންޖެހިއްޖެނަމަ ބަލާނީ އެއެއްޗެއް އެއިރަކު ލިބެން ހުންނަ އަގެކެވެ. ލިބެން ނެތްނަމަ އެންމެފަހުން ހުރި އަގެކެވެ. މިގޮތުން އަގުބަލަންޖެހޭ އެއްޗަކީ ބޭރު ގައުމެއްގެ ފައިސާ ކަމަށްވަނީނަމަ، އެކަން ބަލާނީ އެގައުމެއްގެ ފައިސާއިންނެވެ. ދިވެހި ރުފިޔާއިން ދައްކާކަމަށް ވަނީވިއްޔާ ދައްކަންވާނީ، އެދައްކާ ދުވަސްވަރެއްގައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އެފައިސާ ވިއްކާ އަގަކުންނެވެ. ނުވަތަ ވެރިމީހާ ގަބޫލު ކުރާކަމަށް ވަނީވިއްޔާ އެކަމެއް ހިނގިއިރު ނުވަތަ ހުކުމް ކުރާއިރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އެފައިސާ ވިއްކާ އަގުންނެވެ.

 

149 ވަނަ މާއްދާ – ވައްކަން، ޓެކުން، ހިޔާނާތްތެރިވުމާއި މަކަރާއި ހީލަތް އަދި ފޭރުމުގެ މާނަ

މިގާނޫނުގައި:-

(ހ) ވައްކަމަކީ، އެހެން މީހެއްގެ ނުވަތަ އެހެން ފަރާތެއްގެ މިލްކު އެއްޗެއް އެމީހާއަށް ނުވަތަ އެފަރާތަށް ނޭނގި، އެއާ ހަވާލުވެގެންހުރި މީހާ ނޫން މީހަކު ސިއްރުން ނެގުމެވެ.

(ށ) ޓެކުމަކީ، އަނެކާއަށް އެކަމުން މަންފާއެއް އޮތްކަން ދައްކައިގެން ފައިދާއެއް ނުވަތަ ހިދްމަތެއް ކޮށްދޭން ބުނެ ނުވަތަ އެފަދަ ކަމެއް ވެވިދާނެކަން، ކަމަކުން ނުވަތަ ސިފައަކުން ދައްކައިގެން، ފައިސާ ނުވަތަ ތަކެތި އަތުލައި، އެކަމެއް އެބުނިގޮތަށް ކޮށްނުދީ އެފައިސާ ނުވަތަ ތަކެތި ބޭނުން ކުރުމެވެ.

(ނ) ހިޔާނާތަކީ، ތިމާގެ ބެލުމުގެ ދަށުގައި ނުވަތަ ތިމާގެ ހަވާލުގައިވާ އެހެން ފަރާތެއްގެ އެއްޗެއް ނުބައި ނިޔަތެއްގެ އޭގެ ވެރިފަރާތުގެ އިޒުނަޔާ ނުލައި ބޭނުންކުރުން، ނުވަތަ އެއެއްޗަކަށް ބަދަލު ގެނައުން، ނުވަތަ ނައްތާލުން، ނުވަތަ އެފަރާތުން ކަނޑައަޅާފައިވާ ގޮތާ ހިލާފަށް ގެންގުޅުމެވެ. އާންމު ތަނަކުން ހޮވާ އެއްޗެއް އެފަދަ ތަކެތި ދައްކަންޖެހޭ ފަރާތަށް ނުދައްކާ ހުރުމާއި، މީޓަރަށް ނާރާގޮތަށް ކަރަންޓް ބޭނުންކުރުން ފަދަ ކަންކަމަކީ ހިޔާނާތެވެ. ކަނޑައެޅިފައިވާ ގަވާއިދު ތަކެއްގެ މަތިން ބެލެއްހެޓުމަށް މީހަކާ ހަވާލުވެފައިވާ މުދަލެއް ހަމައަށް ހުރިތޯ ބަލާއިރު، އެމުދާ ހުންނަންވީ ވަރަށް ނެތިފައި، އެމުދާ ބަލަހައްޓަން ޖެހިފައިވާ ގަވާއިދާ ހިލާފު ވެފައިވާކަން ސާބިތު ވުމާއެކު، އެމުދާ މަދުވާން ޖެހުނު ގޮތެއް ސާބިތުކޮށް ނުދެވޭނަމަ ބެލޭނީ ހިޔާނާތްތެރިވީ ކަމުގައެވެ.

(ރ) މަކަރާ ހީލަތަކީ، ޓެކުކަމަށް ނުހިމެނޭގޮތުން އަނެކާއަށް ހަގީގަތް އޮޅުވާލައިގެން ކަމަކުން ނުވަތަ އެއްޗަކުން ތިމާއަށް ފައިދާއެއް ހޯދުމަށްޓަކައި އަނެކަކަށް ގެއްލުމެއް ލިބޭގޮތަށް ކުރާ ކޮންމެ ކަމެކެވެ.

(ބ) ފޭރުމަކީ، އެހެން މީހެއްގެ މިލްކު އެއްޗެއް އެމީހާގެ ރުހުމާނުލައި ގަދަކަމުން އަތުލުމެވެ.

 

އަބުރާ ބެހުމުގެ ކުށް 

150 ވަނަ މާއްދާއަބުރާބެހުން

އަބުރާ ބެހުމަކީ މީހެއްގެ ގަދަރާއި އިއްޒަތް ނުވަތަ ކަރާމާތް ނަގާލުން ނުވަތަ އެއިން ކަމަކަށް އުނިކަން ދިނުމެވެ. ބުނެވިދިޔަ ކަންތައްތަކުގެ ތެރެއިން ކަމެއްކުރީ، ބުނާ އެއްޗަކުން، ނުވަތަ ލިޔާ ލިޔުމަކުން، ނުވަތަ ކުރަހާ ކުރެހުމަކުން ކަމުގައިވިޔަސް އެކަމެއް ބެލޭނީ އަބުރާބެހުން ކަމުގައެވެ.

 

151 ވަނަ މާއްދާ – އާންމު ރައްޔިތުންގެ މަސްލަހަތާބެހޭ ކަންކަމުގައި ދައްކާ ވާހަކައާއި ލިޔާލިޔުން

އާންމު ރައްޔިތުންގެ މަސްލަހަތާ ގުޅޭ ކަމަކާ ހަވާލުވެހުރި މީހަކު އޭނަގެ ވަޒީފާ ލާޒިމުކުރާ ގޮތުން ކޮށްފައިވާ، ނުވަތަ ކުރަމުން ގެންދާ، ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާމެދު އެކަމެއްގެ ހަގީގަތާ އެއްގޮތަށް ވާހަކަ ދެއްކުމަކީ، ނުވަތަ ލިޔެ ށާއިއު ކުރުމަކީ، ނުވަތަ ކުރެހުމެއް ކުރެހުމަކީ އަބުރާ ބެހުމެއްނޫނެވެ.

 

152 ވަނަ މާއްދާ – ކުށްވެރިވާގޮތް

އަބުރާ ބެހުމުގެ ކުށެއް ކޮށްފި ކަމުގައި ބެލޭނީ، އެއްވެސް މީހަކާ ބެހޭގޮތުން މިގާނޫނުގެ 150 ވަނަ މާއްދާގައި ބުނެފައިވާފަދަ އަމަލެއް ހިންގުމުންނެވެ.

 

153 ވަނަ މާއްދާ - އަބުރާ ބެހުމުގައި ބައިވެރިވާ ފަރާތްތައް

އަބުރާ ބެހުމުގެ ކުށް ސާބިތުވާހިނދު، އަބުރާ ބެހުނު މީހާގެ އިތުރަށް ތިރީގައިވާ މީސްމީހުންނަކީ، އެކުށުގައި ބައިވެރިވި މީހުން ކަމުގައި ވާނެއެވެ.

(ހ) އަބުރާ ބެހުމުގެ ގޮތުން ދެއްކި ވާހަކައެއް، ނުވަތަ ލިޔެފައިވާ ލިޔުމެއް، ނުވަތަ ކުރަހާފައިވާ ކުރެހުމެއް އެއީ މީހެއްގެ އަބުރާ ބެހުންކަން އެނގިހުރެ ފަތުރައިދިނުމަށް އެހީވެދިން މީހުން.

(ށ) އަބުރާ ބެހުމުގެގޮތުން ލިޔެ ށާއިއުކުރި ވާހަކައެއް ނުވަތަ ކުރެހުމެއް ށާއިއުކުރީ ނޫހެއް ނުވަތަ މަޖައްލާއެއްގައި އެނޫސް ނުވަތަ މަޖައްލާއެއްގެ ފަރާތުން ކަމުގައިވާނަމަ އެނޫހެއްގެ ނުވަތަ މަޖައްލާއެއްގެ އެޑިޓަރ.

(ނ) އަބުރާބެހުމުގެ ގޮތުން ހިންގި އަމަލު ހިންގައިފައިވަނީ، (ށ) ގައިވާ ވަސީލަތެއް ބޭނުން ކޮށްގެން ކަމަށްވާނަމަ، އެއަމަލެއް ހިންގުމުގައި އެހީވެދިން ފަރާތްތަކުގެ ތެރެއިން، އެއަމަލެއްގެ މަގްސަދަކީ އަބުރާ ބެހުންކަން އެނގިހުރެ އެހީވެދިން ފަރާތްތައް.

 

154 ވަނަ މާއްދާ – ކުށުން ބަރީއަ ނުވެވޭގޮތް

ލިޔުމެއް ނުވަތަ ކުރެހުމެއް ށާއިއު ކުރުމުގައި ރަމްޒު ނަމެއް ބޭނުން ކުރުމަކީ އަބުރާ ބެހުމުގެ ކުށުން އެއެއްޗެއް ލިޔެ ށާއިއުކުރި މީހާއަށް ބަރީއަވެވޭނެ ކަމެއްނޫނެވެ.

 

155 ވަނަ މާއްދާ 

މީހެއްގެ ނަމަށް ނުވަތަ އަބުރާއި އިއްޒަތަށް ހުތުރުއް ނުވަތަ ގެއްލުމެދޭ އެއްވެސް ލިޔުމެއް ށާއިއު ކުރެވޭ ކޮންމެ ފަހަރަކު ދައްވާ ކުރުމުގެ ހައްގު، އަބުރާބެހުވުނު މީހާއަށް ލިބިގެންވެއެވެ. މިގޮތަށް ލިޔެ އާންމުކުރާ ނުވަތަ ށާއިއުކުރާ މީހާ، އޭނާގެ ދިފާއުގައި އެއީ އެހެން މީހަކު ބުނީމާ އޭނާއަށް އިވުނު އެއްޗެއްކަމަށް، ނުވަތަ ލިޔުމަކުން ކިޔާފައިވާ އެއްޗެއްގެ ތެދު ރިޕޯޓެއް ކަމަށް ބުނި ކަމުގައިވިޔަސް، މިގާނޫނުގެ ދަށުން ސާބިތުވާ ކުށުން އެމީހަކަށް ބަރީއައެއް ނުވެވޭނެއެވެ.

 

156 ވަނަ މާއްދާ – އިސްތިސްނާ ކުރެވޭ ހާލަތުތައް

ކޯޓެއްގައި ހިނގާ ށަރީއަތަކަށް ނުވަތަ ސަރުކާރުގެ ރަސްމީ ފަރާތަކުން ކުރާ ތަހްގީގަކަށްދޭ ހެކިބަހެއްގައި، ނުވަތަ ބަޔާނެއްގައި، މިގާނޫނުގެ 150 ވަނަ މާއްދާގައި ބުނެފައިވާފަދަ ވާހަކައެއް ބުނިކަމުގައި ވިޔަސް އެއީ އެމީހެއްގެ އަބުރާ ބެހުމެއް ނޫނެވެ.

 

157 ވަނަ މާއްދާ 

ކޯޓެއްގައި ހިނގައި ނިމިފައިވާ ށަރީއަތެއްގެ ތެދު ބަޔާނެއް ލިޔެ ށާއިއު ކުރުމުގައި މިގާނޫނުގެ 150 ވަނަ މާއްދާގައި ބުނެފައިވާފަދަ ވާހަކައެއް ލިޔުނު ކަމުގައި ވިޔަސް، އެއީ މީހެއްގެ އަބުރާ ބެހުމެއް ނޫނެވެ.

 

158 ވަނަ މާއްދާ 

އާންމުން ބެލުމަށް ނުވަތަ އަޑުއެހުމަށް، ނުވަތަ ކިޔުމަށް ހުށަހެޅޭ ތަމްސީލެއް ނުވަތަ ފިލްމެއް، ނުވަތަ ފޮތެއް، ނުވަތަ މިނޫންވެސް މިފަދަ އެއްޗެއްގައި ނުވަތަ ކުޅިވަރެއްގައި ބައިވެރިވާ މީހަކު، އެއެއްޗެއްގައި ނުވަތަ އެކަމެއްގައި އެމީހެއްގެ ބައި އަދާކޮށްފައިވާ ގޮތާމެދު ފާޑު ކިޔުމަކުން އެހުށަހެޅޭ އެއްޗެއް ނުވަތަ ކަމެއްގެ ދާއިރާއަށްވުރެ ބޭރަށް ނުގެންދާހާ ހިނދަކު، އެއީ މީހެއްގެ އަބުރާ ބެހުމަށް ނޫނެވެ.

 

159 ވަނަ މާއްދާ 

ގާނޫނީގޮތުން އަނެކެއްގެ މައްޗަށް ބާރެއް ލިބިފައިވާ މީހަކު ނުވަތަ އަނެކެއްގެ މައްޗަށް ތިމާޔަށް ގާނޫނީ ބާރެއް ލިބިދޭ ގުޅުމެއް އޮތް މީހަކު، އެމީހާގެ އަމުރުވެރި ކަމުގެ ދަށުގައިވާ މީހާ އަމަލުކުރާ ގޮތަކުން، ބުނަންޖެހޭ އެއްޗެއް ބުނުމަކީ މީހެއްގެ އަބުރާ ބެހުމެށްނޫނެވެ.

މިސާލު:

- އޮފީހެއްގެ ވެރިޔަކު، އޭނާގެ ދަށުން މަސައްކަތްކުރާ މުވައްޒަފަކު ކަންތައްކުރާ ގޮތާމެދު ނުރުހިގެން އެއްޗެއް ބުނުމަކީ އެމީހެއްގެ އަބުރާ ބެހުމެއްނޫނެވެ.

- މުދައްރިސަކު، ކިޔަވާ ކުއްޖެއްގެ އަހްލާގު ރަނގަޅު ކުރުމުގެ މަގްސަދުގައި އެކުއްޖަކަށް އެއްޗެހި ކިޔުމަކީ އެކުއްޖެއްގެ އަބުރާ ބެހުމެއް ނޫނެވެ.

- ބައްޕައަކު، އޭނާގެ ދަރިއެއްގެ އުޅުމާމެދު އަޑުލުމަކީ، އެދަރިއެއްގެ އަބުރާބެހުމެއް ނޫނެވެ.

 

160 ވަނަ މާއްދާ 

ށަރްއީގޮތުން ނުވަތަ ގާނޫނީގޮތުން މީހެއްގެ މައްޗަށް ބާރު ލިބިފައިވާ ފަރާތަކަށް، ނުވަތަ އެފަދަ ބާރެއް ލިބިދޭފަދަ ގުޅުމެއް އޮތް ފަރާތަކަށް އެމީހަކާ ބެހޭގޮތުން މައްސަލައެއް ހުށަހެޅުމަކީ، ނުވަތަ އަންގަންޖެހޭ އެންގުމެއް އެންގުމަކީ، އެމީހެއްގެ އަބުރާ ބެހުމަށް ނޫނެވެ.

މިސާލު:

- މީހެއްގެ ނޯކަރަކާ ބެހޭގޮތުން ނުރަނގަޅު ވާހަކައެއް، އެހެން މީހަކު އެނޯކަރު މަސައްކަތްކުރާ ތަނެއްގެ ވެރިމީހާގާތު ބުނުމަކީ، އެމީހެއްގެ އަބުރާ ބެހުމެއް ނޫނެވެ.

- ކުއްޖެއްގެ ނުވަތަ މީހެއްގެ އަހްލާގާ ބެހޭގޮތުން ނުރަނގަޅު ވާހަކައެއް، އެކުއްޖާގެ ނުވަތަ އެމީހާގެ މަންމަ، ބައްޕަ، ބަލަދުވެރިޔާ، ބެލެނިވެރިޔާ، މިއިން މީހެއްގެ ގާތުގައި ނުވަތަ ގާތްތިމާގެ މީހެއްގެ ގާތުގައި ނުބައި ނިޔަތެއްނެތި ދެއްކުމަކީ، އެކުއްޖާގެ ނުވަތަ އެމީހާގެ އަބުރާ ބެހުމެއް ނޫނެވެ.

 

161 ވަނަ މާއްދާ 

ތިމާއަށް ށަރްއީގޮތުން ނުވަތަ ގާނޫނީގޮތުން އެމީހެއްގެ މައްޗަށް ބާރު ލިބިފައިވާ ފަރާތެއްގެ ރައްކަލަކަށްޓަކައި، ވަކި މީހަކާމެދު ބަލައިގެން އުޅުމަށް ނަސޭހަތް ދިނުމަކީ އެއިށާރާތް ކުރެވުނު މީހާގެ އަބުރާ ބެހުމެއް ނޫނެވެ.

މިސާލު:

- މީހަކު އޭނާގެ އަނބިމީހާގާތު ނުވަތަ ދަރިއެއްގެ ގާތު މިވެނި މީހަކީ ނުބައި މީހެއްކަމަށާއި، އެމީހާގެ އަމަލުތަކާމެދު ބަލައިގެން އުޅުމަށް ބުނި ކަމުގައިވިޔަސް، އެއީ މީހެއްގެ އަބުރާ ބެހުމެށް ނޫނެވެ.

 

162 ވަނަ މާއްދާ – އަބުރާބެހުނުކަމަށް ހިމެނޭ ވާހަކައެއްއޮތް އެއްޗެއް މީހަކަށް ފޮނުވުން

މީހެއްގެ އަބުރާ ބެހުނުކަމަށް ހިމެނޭ ވާހަކައެއް ލިޔެފައިވާ އެއްޗެއް ނުވަތަ އެނޫންވެސް އެފަދަ އެއްޗެއް އެލިބެންވީ މީހާނޫން އެހެން މީހަކަށް ފެންނަފަދަ ގޮތަކަށް، ނުވަތަ އިވޭފަދަ ގޮތަކަށް ފޮނުވައިފިނަމަ، އެކަމުން ނިކުންނަ ކޮންމެ މައްސަލައެއްގެ ޒިންމާ، އެއެއްޗެއް ފޮނުވި ފަރާތުން އުފުލަން ޖެހޭނެއެވެ.

 

163 ވަނަ މާއްދާ – އަބުރާބެހުމުގެ ކުށުގެ އަދަބު

މީހެއްގެ އަބުރާ ބެހުމުގެ ކުށަށް، މިގާނޫނުގެ ދަށުން ދެވޭނެ އަދަބަކީ، 1 އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް އަރުވާލުން، ނުވަތަ ގޭގައި ބަންދުކުރުން، ނުވަތަ 3،000 (ތިންހާސް) ރުފިޔާއަށްވުރެ ގިނަނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ. އަދި މިކުށުގައި ބައިވެރިވި މީހެއްގެ އަދަބަކީވެސް މިއެވެ.

 

164 ވަނަ މާއްދާ – އަބުރާބެހެވުނު މީހާއަށް ބަދަލު ދިނުން

(ހ) އަބުރާބެހުމުގެ ކުށް ސާބިތު ވެއްޖެނަމަ، އަބުރާ ބެހުނު މީހާއަށް، މިގާނޫނުގެ 163 ވަނަ މާއްދާގައިވާ އަދަބު ދިނުމުގެ އިތުރަށް، އަބުރާ ބެހުނު މީހާގެ ފަރާތުން އަބުރާ ބެހެވުނު މީހާއަށް ބަދަލު ލިބިދޭން ވާނެއެވެ. މިބުނި ބަދަލު ލިބިދޭނީ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، 100 (ސަތޭކަ) ރުފިޔާއާއި 5،000 (ފަސްހާސް)  ރުފިޔާއާ ދެމެދުގެ އަދަދަކުން ށަރީއަތުންނެވެ.

(ށ) އަބުރާ ބެހުމުގެ ސަބަބުން އެމީހަކަށް އެއްވެސް ގެއްލުމެއް ލިބިފައިވާނަމަ ނުވަތަ ވިޔަފާރިއެއްގައި ލިބެންއޮތް ފުރްސަތެއް ގެއްލި، ނުވަތަ އެކަމަށް ހުރަސްއެޅި، ނުވަތަ މާލީގޮތުން އެމީހަކަށް މިނޫންވެސް ގެއްލުމެއް ލިބިފައިވާނަމަ، ނުވަތަ ގެއްލުމެއް ލިބުމަކީ އެކަށީގެންވާ ކަމެއްކަމަށް، ށަރީއަތަށް ފެނިއްޖެނަމަ، އެލިބުނު ނުވަތަ ލިބިދާނެ ކަމަށް ފެނުނު ގެއްލުމެއްގެ މިންވަރަށް ބަލައި، އެކަށީގެންވާ ބަދަލެއް އަބުރާ ބެހެވުނު މީހާއަށް އަބުރާ ބެހުނު މީހާގެ ފަރާތުން ލިބިދޭން ވާނެއެވެ.

 

165 ވަނަ މާއްދާ – އަބުރާބެހެވުނު މީހާގެ ފަރާތުން މައާފަށް އެދުން

އަބުރާ ބެހުމުގެ ކުށްކުރާ މީހަކަށް، މިގާނޫނުގެ ދަށުން ދެވޭ އަދަބުގެ އިތުރަށް، އެމީހަކު އެކުރި އަމަލެއްގެ އަސަރު ފެތުރުނު މިންވަރެއްގެ މައްޗަށް ބަލައި، އަބުރާ ބެހެވުނު މީހާގެ ފަރާތުން ށަރީއަތުގެ މަޖިލީހުގައި މައާފަށް އެދުމަށް އަބުރާ ބެހުނު މީހާއަށް ށަރީއަތުން އެންގިދާނެއެވެ.

 

166 ވަނަ މާއްދާ 

ނޫސް، މަޖައްލާ، ކްލަބް، ކުންފުނި، ޖަމްއިއްޔާ ފަދަ މައުނަވީ ށަހްސިއްޔަތު ލިބިފައިވާ ފަރާތްތަކާ މެދުގައިވެސް އަބުރާ ބެހުމުގެ ކުށުގެ ދައްވާ ކުރެވިދާނެއެވެ. އަދި އެފަރާތްތަކުންވެސް އަބުރާ ބެހުމުގެ ކުށުގެ ދައްވާ ކުރެވިދާނެއެވެ.

އަބުރާބެހެވުނު މީހާގެ ފަރާތުން މައާފަށް އެދުން

 

މިގާނޫނަށް އަމަލު ކުރާނީ 1 ޖުލައި 1968 ދުވަހުން ފެށިގެންނެވެ.

   

މި ގާނޫނަށް ގެނެވުނު އިސްލާހު

2 ވަނަ އިސްލާހު

4 ވަނަ އިސްލާހު

6 ވަނަ އިސްލާހު

7 ވަނަ އިސްލާހު

10 ވަނަ އިސްލާހު

 

ކޮންސޮލިޓޭޑެޓް ގާނޫނު

ގާނޫނުލް އުގޫބާތު (ޗެޕްޓަރ 4) (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 1968-10) ގާނޫނުލް އުގޫބާތު (ޗެޕްޓަރ 4) (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 1968-10)

 

އުވި ގާނޫނު

ގާނޫނުލްއުގޫބާތު (ގާނޫނު ނަންބަރު 2014-09) 

 

ގުޅުންހުރި ގާނޫނު

ގާނޫނުލް އުގޫބާތު (ޗެޕްޓަރު 1)

ގާނޫނުލް އުގޫބާތު (ޗެޕްޓަރު 2)

ގާނޫނުލް އުގޫބާާތު (ޗެޕްޓަރު 3)

ގާނޫނުލް އުގޫބާތު (1951)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު