-

(މި ގާނޫނުވަނީ ގާނޫނު ނަންބަރު 2022-11 ގެ 149 ވަނަ މާއްދާއިން އުވާލެވިފައި)

 

ހެއްކާ ބެހޭ ގާނޫނު

(ގާނޫނު ނަންބަރު 1976-24)  

1 ވަނަ މާއްދާ

ކަމެއްގެ ހަގީގަތާ ގުޅޭގޮތުން ހެކިވެރިޔަކު ށަރީއަތުގެ މަޖިލީހަކަށް ދިނުން އެމަޖިލިސް ހުއްދަކުރާ ނުވަތަ ހެކިވެރިޔެއްގެ ކިބައިން ށަރީއަތުގެ މަޖިލީހަކަށް ބޭނުންކުރާ ކޮންމެ ބަޔާނަކީ ހެއްކެއްގެ ގޮތުގައި ބެލޭނެ އެއްޗެކެވެ. މިފަދަ ކޮންމެ ބަޔާނަކީ ށަފަހީ (އޯރަލް) ހެއްކެވެ.

 

2 ވަނަ މާއްދާ

ކަމެއްގެ ހަގީގަތާ ގުޅޭގޮތުން ށަރީއަތުގެ މަޖިލީހަކަށް ހުށަހެޅުން އެ މަޖިލިސް ހުއްދަކުރާ ނުވަތަ ށަރީއަތުގެ މަޖިލީހަކުން ހޯދާ ކޮންމެ ލިޔުމަކީވެސް ހެއްކެއްގެ ގޮތުގައި ބެލޭނެ އެއްޗެކެވެ. މިފަދަ ކޮންމެ ލިޔުމަކީ ކިތާބީ (ޑޮކިއުމެންޓަރީ) ހެއްކެވެ.

 

3 ވަނަ މާއްދާ

އެއްވެސް ގަސިއްޔާއެއް ނުވަތަ މައްސަލައެއްގައި ހެކިދެވޭނީ ނުވަތަ ދެއްކޭނީ އެކަމަކާ ގުޅުމެއްހުރި ހަގީގަތްތަކާ ބެހޭގޮތުންނެވެ. އެހަގީގަތްތަކަކީ އަސްލުގައި ބަލަމުންދާ ކަންތައްތަކެއް ނޫންނަމަވެސް، އެކަންތައްތައް ބަލަމުންދާ ކަމަކާ ގުޅިފައިވާލެއް ބޮޑުކަމުން އެއީ އެ މުއާމަލާތުގެ ތެރެއިންވާ ބައެއް ކަމުގައި ބެލޭފަދަ ކަންތައްތަކަށް ވާނަމަ އެއީވެސް މައްސަލައާ ގުޅުމެއްހުރި ކަންތައްތަކެކެވެ. ބަލަމުންދާ މައްސަލައިގެ ނުވަތަ އެއާ ގުޅުމެއްހުރި ކަމެއްގެ ސަބަބުން ކަމުގައިވާ ނުވަތަ ނަތީޖާ ކަމުގައިވާ ކޮންމެ ހަގީގަތަކީވެސް އަސްލު މައްސަލައާ ގުޅުމެއްހުރި ކަމެއް ކަމުގައި ބެލޭނެއެވެ.

 

4 ވަނަ މާއްދާ

ށަރީއަތުގެ މަޖިލީހުން ވަކިމީހެއްގެ ލިޔުން ނުވަތަ ސޮއި ބަލައި ފާހަގަކުރަން ޖެހިއްޖެ ހިނދެއްގައި އެލިޔުން ނުވަތަ ސޮއި ދުށުން އާދަވެފައިވާ މީހަކު ދޭ ހެކި އެއީ ހަގީގަތް ކަމުގައި ބެލޭނެއެވެ.

 

5 ވަނަ މާއްދާ

ށަރީއަތުން ނުވަތަ ގާނޫނުން ލިޔުމެއް އޮތުން ލާޒިމުކުރާ ކަމެއްގައި ހެއްކެއް ކަމުގައި ބެލޭނީ ހަމަ އެ ލިޔުމެކެވެ. ނަމަވެސް އެ ލިޔުމެއް ނެތުނީ ގަބޫލުކުރެވޭ ފަދަ އުޒުރަކުންކަން ށަރީއަތުގެ މަޖިލީހަށް ސާބިތު ވާނަމަ އޭގެ ބަދަލުގައި އެހެން ހެކި ގަބޫލު ކުރެވޭނެއެވެ.

 

6 ވަނަ މާއްދާ

ހަގީގަތެއް ސާބިތު ވެއްޖެކަމަށް ށަރީއަތުން ބެލޭނީ އެކަން ސާބިތު ކުރުމަށް ކަނޑައެޅިފައިވާ ހަމަތަކުގެމަތިން އެކަމެއް ހިނގާކަމަށް ނުވަތަ ހިނގާފައިވާކަމަށް ށަރީއަތުގެ މަޖިލީހަށް ގަބޫލު ކުރެވިއްޖެ ހިނދެއްގައެވެ. އަދި ބުއްދި ސަލާމަތުން ހުރި މީހަކު އެކަމެއް ހިނގާފައިވާކަމަށް ބަލައި، އެމައްޗަށް އަމަލު ކުރަންޖެހޭ ފަދަ މިންވަރަކަށް އެކަމެއް ހިނގާފައިވާކަމަށް ށަރީއަތުގެ މަޖިލީހަށް ބުރަވެވިއްޖެނަމަ، އެފަދަ ހާއްސަ ހާލަތަށް ކަނޑައެޅިފައިވާ އުސޫލެއްގެމަތިން އެކަމެއްގެ ހަގީގަތް ސާބިތު ވެއްޖެކަމަށް ށަރީއަތުގެ މަޖިލީހުން ނިންމިދާނެއެވެ.

 

7 ވަނަ މާއްދާ

ވަކިގޮތަކަށް ހެކި ލިބިފައިވުން ބޭނުންވާނެ ކަމަށް ގުރްއާނުގައި ކަނޑައެޅި ބަޔާން ވެގެންވާ ކަމެއްގައި މެނުވީ ހެކިދިނުމާއި ހޯދުމުގައި އަމަލު ކުރެވޭނީ މި ގާނޫނުގައިވާ ގޮތަށެވެ.

 

އުވި ގާނޫނު

ހެއްކާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2022-11)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު