-

 

މަސްތުވާ ތަކެއްޗާ ބެހޭ ގާނޫނު

(ގާނޫނު ނަންބަރު 1977-17) 

(މި ގާނޫނު ވަނީ ގާނޫނު ނަންބަރ 2011-17 ގެ 185 ވަނަ މާއްދާގެ ދަށުން އުވާލެވިފައި)

 

1 ވަނަ މާއްދާ - ގާނޫނުގެ ނަން

މިގާނޫނަށް ކިޔާނީ "މަސްތުވާ ތަކެއްޗާބެހޭ ގާނޫނު"އެވެ.

 

2 ވަނަ މާއްދާ – މަނާކުރެވިފައިވާ މަސްތުވާތަކެތި އުފެއްދުމާއި ފެތުރުމާއި އެތަކެތީގެ ވިޔަފާރި ކުރުމުގެ ކުށް

(ހ) މަނާކުރެވިފައިވާ މަސްތުވާ އެއްވެސް އެއްޗެއް ދިވެހިރާއްޖޭގައި ހެއްދުމާއި، އުފެއްދުމާއި، ދިވެހިރާއްޖެއަށް އެތެރެ ކުރުމާއި، ދިވެހިރާއްޖެއިން ބޭރުކުރުމާއި، ވިއްކުމާއި، ގަތުމާއި، ދިނުމާއި، ވިޔަފާރީގެ ބޭނުމަށް ގެންގުޅުމާއި، އަތުގައި ބެހެއްޓުމާއި، އަދި މިއިން ކަމެއްކުރަން އުޅުމާއި، މިއިން ކަމެއް ކުރުމުގައި ބައިވެރިވުމަކީ ކުށެކެވެ.

(ށ) މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް އެއް ގްރާމަށްވުރެ ގިނައިން މީހެއްގެ އަތުގައި ހުރެއްޖެނަމަ ބެލޭނީ، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަށްޓަކައި އަތުގައި ބެލެހެއްޓީ ކަމަށެވެ.

(ނ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ކުށްތަކުގެ ތެރެއިން މަނާކުރެވިފައިވާ މަސްތުވާ އެއްވެސް އެއްޗެއް، ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރުމުގެ ނުވަތަ ގަތުމުގެ ނުވަތަ ދިނުމުގެ ކުށެއް ކުރުމުގައި ހިމެނުނު، މަނާކުރެވިފައިވާ މަސްތުވާ އެއްޗަކީ އޭގެ އެއް ގްރާމް ނުވަތަ އެއް ގްރާމަށްވުރެ މަދު އެއްޗެއް ކަމުގައިވާނަމަ އެކުށެއް ކުރި މީހެއްގެ ނުވަތަ ކުރަން އުޅުނު މީހެއްގެ ނުވަތަ  އެކުށެއް ކުރުމުގައި ބައިވެރިވި މީހެއްގެ އަދަބަކީ 5 އަހަރާއި 12 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން، ނުވަތަ އަރުވާލުން، ނުވަތަ ގޭގައި ބަންދުކުރުމެވެ.  މިފަދަ ކުށެއްކުރި މީހަކީ ބިދޭސީއަކުނަމަ، އެމީހަކު ކުރި ކުށެއްގެ ކުޑަ ބޮޑުމިނަށް ބަލައި، 10،000 (ދިހަހާސް) ރުފިޔާއަށްވުރެ މަދުނޫން އަދަދަކުން އެމީހަކު ޖޫރިމަނާކޮށް، ދުވަހަކުވެސް ރާއްޖެއަށް ނާދެވޭގޮތަށް އެމީހަކު ރާއްޖެއިން ފޮނުވާލުމުގެ އިހްތިޔާރު ސަރުކާރަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރެއިން މި މާއްދާގެ (ނ) ގެ ދަށުން އަދަބުދެވޭ ކުށެއް ފިޔަވައި އެހެން ކުށެއްކޮއްފި މީހެއްގެ އަދަބަކީ، އުމުރަށް ޖަލަށްލުމެވެ.

 

3 ވަނަ މާއްދާ – ބޭހުގެގޮތުގައި ބޭނުންކުރެވޭ މަސްތުވާ ތަކެތީގެ ކުށް

(ހ) މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާފައިވާ ގަވާއިދެއްގެ މަތިން އެ މިނިސްޓްރީގެ ހުއްދަ ލިބިގެން އެ ގަވާއިދުގައިވާ ގޮތުގެމަތިން މެނުވީ، ބޭހުގެ ގޮތުގައި ބޭނުން ކުރެވޭ މަސްތުވާ އެއްވެސް އެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ދިވެހިރާއްޖޭން ބޭރުކުރުމާއި، ދިވެހިރާއްޖޭގައި އުފެއްދުމާއި، ހެއްދުމާއި، މިއިން ކަމެއްކުރަންއުޅުމާއި، މިއިން ކަމެއް ކުރުމުގައި ބައިވެރިވުމަކީ، ކުށެކެވެ.

(ށ) މިނިސްޓްރީ އޮފް ހެލްތްގެ ހުއްދަ ލިޔުމަކުން ލިބިގެން، އަދި އެ މިނިސްޓްރީން ކަނޑައަޅާފައިވާ ގަވާއިދެއްގެ މަތިން މެނުވީ، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާ އެއްވެސް އެއްޗެއްގެ ވިޔަފާރި ކުރުމާއި، އެފަދަ އެއްވެސް އެއްޗެއް ދިނުމާއި، ވިއްކުމާއި، ގެންގުޅުމާއި، އަތުގައި ބެހެއްޓުމާއި، މިއިން ކަމެއްކުރަން އުޅުމާއި، މިއިން ކަމެއް ކުރުމުގައި ބައިވެރިވުމަކީ، ކުށެކެވެ.

 ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުން

(ނ) ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާ އެއްވެސް އެއްޗެއް ހުއްދަ ދެވިފައިވާ ފަރާތެއްގެ އަތުގައި، ހުއްދަދެވިފައިވާ އަދަދަށްވުރެ ގިނައިން ނުވަތަ ބޭސްކުރުމުގެ ހުއްދަ ލިބިފައިވާ ޑޮކްޓަރަކު އެ އެއްޗެއް އާންމުކޮށް އެއް ފަހަރު ލިޔެދޭ މިންވަރަށްވުރެ ގިނައިން ހުއްދަ ދެވިފައިވާ ފަރާތެއް ކަމުގައިނުވާ މީހެއްގެ އަތުގައި ހުރެއްޖެނަމަ ބެލޭނީ، މި ގާނޫނާ ހިލާފަށް އޭގެ ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓީކަމަށެވެ.

(ރ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާން ކޮށްފައިވާ ކުށެއްކޮށްފި މީހެއްގެ އަދަބަކީ، 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން، ނުވަތަ އަރުވާލުމެވެ.

 

4 ވަނަ މާއްދާ – ބޭނުންކުރުމާއި ބޭނުން ކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށް

  1. މަނާކުރެވިފައިވާ މަސްތުވާ އެއްވެސް އެއްޗެއް ބޭނުންކުރުމަކީ، ނުވަތަ ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމަކީ، ކުށެކެވެ.
  2. ބޭސްކުރުމުގެ ހުއްދަ ލިބިފައިވާ ޑޮކްޓަރެއްގެ ޕްރިސްކްރިޕްށަނަކަށް މެނުވީ، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާ އެއްވެސް އެއްޗެއް ބޭނުންކުރުމަކީ ނުވަތަ ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމަކީ، ކުށެކެވެ.

(ށ) މަނާކުރެވިފައިވާ މަސްތުވާ ތަކެއްޗާއި، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާ ތަކެތި ނޫނަސް، މަސްތުވެގަތުމަށްޓަކައި އެއްވެސް އެއްޗެއް ބޭނުންކުރުމަކީ، ކުށެކެވެ.

(ނ) މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓީ ކަމަށް ބެލޭނީ، އެމީހެއްގެ އަތުގައި ހުރީ އެ އެއްޗެއްގެ އެއް ގްރާމް، ނުވަތަ އެއް ގްރާމަށްވުރެ މަދުން ކަމުގައި ވާނަމައެވެ.

(ރ) ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާ އެއްޗެއް ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓީކަމަށް ބެލޭނީ، އެމީހެއްގެ އަތުގައި އެ އެއްޗެއް ހުރީ، ބޭސްކުރުމުގެ ހުއްދަ ލިބިފައިވާ ޑޮކްޓަރަކު އާންމުކޮށް އެއް ފަހަރު ލިޔެދޭ މިންވަރަށް ނުވަތަ އެއަށްވުރެ މަދުން ކަމުގައިވާނަމައެވެ.

(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 5 އަހަރާއި 12 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން، ނުވަތަ އަރުވާލުން، ނުވަތަ ގޭގައި ބަންދުކުރުމެވެ.

(ޅ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 2 އަހަރާއި، 5 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން، ނުވަތަ އަރުވާލުން، ނުވަތަ ގޭގައި ބަންދުކުރުމެވެ.

(ކ)  މި މާއްދާގެ (ހ) އާއި (ށ) ގައި ބުނެފައިވާ ކުށެއް ކުރި މީހަކީ، ބިދޭސީއަކު ނަމަ، އެމީހަކު ކުރި ކުށެއްގެ ކުޑަބޮޑު މިނަށް ބަލައި، 10،000 (ދިހަހާސް) ރުފިޔާއަށްވުރެ މަދުނޫން އަދަދަކުން އެމީހަކު ޖޫރިމަނާކޮށް، ދުވަހަކުވެސް ރާއްޖެއަށް ނާދެވޭ ގޮތަށް އެމީހަކު ރާއްޖެއިން ފޮނުވާލުމުގެ އިހްތިޔާރު، ސަރުކާރަށް ލިބިގެންވެއެވެ.

 

5 ވަނަ މާއްދާޕްރިސްކްރިޕްށަން ބަދަލު ކޮށްގެން މަސްތުވާ ތަކެތި ހޯދަން އުޅުމުގެ ކުށް

(ހ) ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާ އެއްޗެއް ހޯދުމަށްޓަކައި، ޑޮކްޓަރެއްގެ ޕްރިސްކްރިޕްށަނަކަށް ބަދަލު ގެނެސްގެން ހުށަހެޅުމަކީ، ނުވަތަ އެފަދަ  ޕްރިސްކްރިޕްށަނެއް ނަހަމަގޮތުގައި ބޭނުންކުރުމަކީ ކުށެކެވެ. 

(ށ) މިމާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ކުށެއް ކުރި މީހެއްގެ އަދަބަކީ، 2 އަހަރާއި 5 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން، ނުވަތަ އަރުވާލުމެވެ.

 

6 ވަނަ މާއްދާ - ކުށްކޮށްގެން ހޯދާ ފައިސާއާއި މުދަލާ ބެހޭ ކުށް

(ހ) މިގާނޫނުގައި ބަޔާން ކޮށްފައިވާ ކުށެއް ކޮށްގެން ހޯދާފައިވާ، ނުވަތަ ކުށެއް ކުރުމުގެ ސަބަބުން ލިބިފައިވާ މުދަލެއްކަން ނުވަތަ ފައިސާއެއްކަން އެނގިހުރެ، ނުވަތަ އެފަދަ ކުށެއް ކޮށްގެން ހޯދާފައިވާ ނުވަތަ ލިބިފައިވާ އެއްޗެއްކަމަށް ގަބޫލު ކުރެވޭފަދަ ސަބަބުތަކެއް ހުއްޓާ، އެމުދަލެއް ނުވަތަ ފައިސާއެއް ލިބިގަނެ، އަތުގައި ބަހައްޓައި، ނުވަތަ ބޭނުން ކުރުމަކީ ކުށެކެވެ.

(ށ) މިގާނޫނުގައި ބަޔާން ކޮށްފައިވާ ކުށެއް ކޮށްގެން ހޯދާފައިވާ އެއްޗެއްކަން ސިއްރު ކުރުމުގެ ގަސްދުގައި، ނުވަތަ އެއީ ގައިރު ގާނޫނީ އަމަލަކުން ހޯދާފައިވާ އެއްޗެއްކަން ވަންހަނާކުރުމުގެ ގަސްދުގައި، ނުވަތަ ކުށުގައި ބައިވެރި ވެފައިވާ މީހަކަށް ހައްގުވާ އަދަބުން މިންޖު ކޮށްދިނުމުގެ ގަސްދުގައި ކުށްކޮށްގެން ހޯދާފައިވާ އެއްޗެއްގެ ނުވަތަ މުދަލެއްގެ، ނުވަތަ ފައިސާއެއްގެ އަސްލު އޮޅުވާލުމުގެ ގޮތުން އެއްވެސް ކަމެއް ކުރުމަކީ، ނުވަތަ އޭގެ މިލްކުވެރިކަމަށް އެއްވެސް ބާވަތެއްގެ ބަދަލެއް ގެނައުމަށް ނުވަތަ މިލްކުވެރިކަން ބަދަލު ކުރުމަށް، އެނޫންވެސް ގޮތަކުން އެހީތެރިވެދިނުމަކީ ކުށެކެވެ.

(ނ) މިމާއްދާގެ (ހ) އާއި (ށ) ގައި ބަޔާން ކޮށްފައިވާ ކުށެއް ކުރި މީހެއްގެ އަދަބަކީ، 100،000 (އެއްލައްކަ) ރުފިޔާއާއި 1،000،000 (އެއްމިލިޔަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ 100،000 (އެއްލައްކަ) ރުފިޔާއާއި 1،000،000 (އެއްމިލިޔަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުމެވެ.

(ރ)  މިމާއްދާގެ (ހ) އާއި (ށ) ގައި ބަޔާން ކޮށްފައިވާ ކުށް ކުރި ފަރާތަކީ ކުންފުންޏެއް ކަމުގައި ވާނަމަ މިމާއްދާގެ (ނ) ގައި ބަޔާން ކުރެވުނު ޖޫރިމަނާ ކުރުމާއެކު ކުންފުނި އުވާލުން.

 

7 ވަނަ މާއްދާ - މަސްތުވާ ތަކެއްޗާ ބެހޭ އިތުރު ކުށް

(ހ) ތިރީގައި ބަޔާންވެގެންވާ އަމަލެއް ކުރުމަކީ، ކުށެކެވެ.

  1. މަސްތުވާ އެއްޗެއް ބޭނުންކުރުމަށް ހިތްވަރުދޭ، ނުވަތަ ށައުގުވެރި ކުރުވާފަދަ އެއްވެސް އެއްޗެއް ލިޔެ، ކުރަހައި، ފާޅުކޮށް، ހާމަކޮށް، ށާއިއުކޮށް، އާންމުންނަށް ދެއްކުމަށްޓަކައި ނެރުން، ނުވަތަ މިފަދަ އެއްޗެއް ބޭނުން ކުރުމަށް ހިތްވަރު ލިބޭފަދަ ނުވަތަ ށައުގުވެރި ކުރުވާފަދަ ވާހަކައެއް ދެއްކުން.
  2. އާންމުން ބޭނުންކުރާ ނުވަތަ އާންމުންނަށް ވަދެނިކުމެވޭ ގޮތައް ހުރި ތަނެއްގައި، މަސްތުވާ އެއްޗެއް އައިރު ގާނޫނީ ގޮތުން ބޭނުންކުރުމަށް އެފަދަތަނެއްގެ ވެރިފަރާތުން، ނުވަތަ އެފަދަތަނެއްގައި އުޅޭމީހަކު، ނުވަތަ އެފަދަތަނެއް ބަލަހައްޓަން އުޅޭ މީހަކު ހުއްދައެއްދީ، ނުވަތަ ބޭނުންކުރުމަށް ފަސޭހަވާފަދަ އެއްވެސް އަމަލެއް ކުރުން.
  3. އެ އެއްޗަކީ، މަސްތުވާ އެއްޗެއް ކަމުގައިބަލައިގެން އެއްވެސް އެއްޗެއް ގަތުން، ނުވަތަ ވިއްކުން، ނުވަތަ އެފަދަ ކަމެއްކުރަން އުޅުން.

(ށ)  މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 7 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން، ނުވަތަ އަރުވާލުމެވެ.

 

8 ވަނަ މާއްދާ - ކުށެއް ކުރިކަން ނާންގާ ހުރުން

(ހ) މަސްތުވާ ތަކެތި ބޭނުންކުރާ މީހުންނާ ބެހޭގޮތުންނާއި އެހެނިހެން ކަންކަމާ ގުޅޭގޮތުން، ސަރުކާރުގެ ބޭނުމަށް ސާރވޭކުރާ މީހުންނަށާއި، މަސްތުވާ ތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭ މީހުންނަށް އެމީހުން އެ މަސައްކަތް ކުރުމުގެ ތެރޭގައި އެނގޭ އެނގުން ފިޔަވައި، މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއް، މީހަކު ކުރިކަން އެއްވެސް މީހަކަށް އެނގިއްޖެނަމަ، ނުވަތަ މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއް ކުރިކަމަށް ގަބޫލުކުރެވޭ ފަދަ ގޮތެއް ދިމާވެއްޖެ ހާލެއްގައި، އެކަން މާލޭގައިނަމަ މިނސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީއަށް، ރާއްޖެތެރޭގައިނަމަ އަތޮޅު އޮފީހަށް ނުވަތަ ރަށު އޮފީހަށް ނާންގައި ހުރުމަކީ ކުށެކެވެ.

(ށ) މިމާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ކުށެއްކުރި މީހެއްގެ އަދަބަކީ، 1 އަހަރާއި 3 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން، ނުވަތަ އަރުވާލުން، ނުވަތަ ގޭގައި ބަންދުކުރުމެވެ.

 

9 ވަނަ މާއްދާ - މިގާނޫނުގައިވާ އެންމެ ބޮޑު އަދަބު ދިނުން  

މިގާނޫނުގައި ބަޔާން ވެގެންވާ ކުށެއްކުރީ، ތިރީގައި ބަޔާން ކޮށްފައިވާ މީހަކުނަމަ، ނުވަތަ ތިރީގައި ބަޔާން ކޮށްފައިވާ ހާލަތެއްގައިނަމަ، ނުވަތަ ތަނެއްގައިނަމަ، އެކުށަކަށްކަނޑައަޅަން މިގާނޫނުގައި ބުނެފައިވާ އެންމެ ބޮޑު އަދަބު، އެކުށެއް ކުރިމީހެއްގެ މައްޗަށް ކަނޑައަޅަން ވާނެއެވެ.  

(ހ)  ޖިނާއީ ހަރަކާތެއް ހިންގާ ޖަމާއަތެއްގެ މީހެއް.

(ށ)  މިގާނޫނުގައި ބަޔާން ކޮށްފައިވާ ކުށެއް ތަކުރާރުކޮށް ކުރާމީހާ.

(ނ)  މަސްތުވާ ތަކެތި ބޭނުންކުރުމާއި، އޭގެ ވިޔާފާރިކުރުން ހުއްޓުވުމުގެ މަސްއޫލިއްޔަތު ސަރުކާރުން ހަވާލު ކޮށްފައިވާ މީހާ.

(ރ)  އުމުރުން 16 އަހަރު ނުފުރޭ ކުއްޖަކަށް ނުވަތަ ސިކުނޑި  ހަމަނުޖެހޭ މީހަކަށް ނުވަތަ މިގާނޫނުގެ 11 ނުވަތަ 12 ވަނަ މާއްދާގެ ދަށުން ފަރުވާ ލިބެމުންދާ މީހަކަށް މި ގާނޫނާއި ހިލާފަށް މަސްތުވާ އެއްވެސް އެއްޗެއް ދިންމީހާ، ނުވަތަ އިސްވެ ބަޔާން ކުރެވުނު މީހެއްގެ ހަށިގަނޑަށް މި ގާނޫނާ ހިލާފަށް މަސްތުވާ ތަކެތި ވާސިލުކޮށް ދިނުމުގައި އެހީތެރިވެދިން މީހާ، ނުވަތަ މި ގާނޫނުގެ ދަށުން ކުށެއް ކުރުމުގައި އެއިން މީހަކު ބައިވެރި ކުރި މީހާ.

(ބ) މަސްތުވާ އެއްޗެއް ބޭނުން ކުރުމުގެ ސަބަބުން، އެއްވެސް މީހެއްގެ ސިއްހީ ހާލަތު ނުރައްކާތެރި ދަރަޖައަކަށް ހިނގައްޖެނަމަ، ނުވަތަ މީހަކު މަރުވެއްޖެނަމަ އެމީހެއްގެ ހަށިގަނޑުގެ ތެރެއަށް މަސްތުވާ ތަކެތި ވާސިލު ކުރުމުގައި އެތަކެތި ފޮނުވައިދިން މީހާ، ނުވަތަ އެކަމުގައި އެހީތެރިވެދިން މީހާ.

(ޅ) އެއްވެސް މީހެއްގެ ކާބޯތަކެއްޗަށް މަސްތުވާ އެއްޗެއް ސިއްރުން އަޅާ މީހާ.

(ކ) ކުށެއްކުރުމާ ގުޅިގެން ގައިރު ގާނޫނީ އެހެން އަމަލެއް ކުރުން.

(އ) ކުށެއް ކުރުމުގައި، މިގާނޫނު ހިންގާ ނުވަތަ ތަންފީޒުކުރާ އެއްވެސް ފަރާތެއްގެ މުވައްޒަފެއްގެ ގަޔަށް އެރުން، ހާނިއްކައެއް ކުރުން، ނުވަތަ މިއިން ކަމެއް ވެވިދާނެކަން ދައްކައިގެން ނުވަތަ ބިރުދައްކައިގެން، ނުވަތަ މީހަކު މަރާލެވިދާފަދަ ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއްގެ ގޮތުގައި ބޭނުން ކޮށްފިނަމަ އެ އެއްޗަކީ މީހަކު މަރާލެވިދާފަދަ އެއްޗެއް ކަމުގައި ހިމެނިދާނެ އެއްޗެއްގެ ބޭނުން ކުރުން.

(ވ) ސަރުކާރުގެ މުވައްޒަފަކު، އެމީހަކު ސަރުކާރުގައި ހިމެނޭ މަގާމުގެ ނުވަތަ އެމަގާމުގެ ނުފޫޒުގެ ބޭނުންކޮށްގެން ކުށްކުރުން.

(މ) ވަޒީފާގެ ގޮތުން ސިއްހީ ފަރުވާދޭ މީހެއް، ނުވަތަ ފާމަސިސްޓެއް އެމީހެއްގެ ވަޒީފާގެ މަގާމު، ނުވަތަ ނުފޫޒު ބޭނުން ކޮށްގެން ކުށްކުރުން.

(ފ) މަދަރުސާއެއްގައި، ނުވަތަ ކިޔަވައިދޭ ތަނެއްގައި، ނުވަތަ ސިއްހީ ފަރުވާދޭ މަރްކަޒެއްގައި، ނުވަތަ މަސްތުވާ ތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން މި ގާނޫނުގެ ދަށުން ފަރުވާދިނުމަށް ކަނޑައަޅާ މީހުންނަށް ފަރުވާދޭ މަރްކަޒެއްގައި، ނުވަތަ އިޖްތިމާއީ މަރްކަޒެއްގައި، ނުވަތަ ކުޅިވަރު ކުޅުމަށް ހާއްސަކުރެވިފައިވާ، ނުވަތަ މުނިފޫހި ފިލުވައިދޭ މަރްކަޒެއްގައި، ނުވަތަ ސިފައިން، ނުވަތަ ފުލުހުންގެ މަރްކަޒެއްގައި، ނުވަތަ ހުކުމް ތަންފީޒުކުރުމަށް ހާއްސަކުރެވިފައިވާ މަރްކަޒެއްގައި ކުށްކުރުން.

 

10 ވަނަ މާއްދާ - ކުށްކޮށްގެން ހޯދާ ފައިސާއާއި މުދަލާއި ތަކެތި

(ހ) މިގާނޫނުގައި ބަޔާން ކުރެވިފައިވާ ކުށެއް ކުރުމަށް ބޭނުންކުރި މަސްތުވާ ތަކެއްޗާއި، އާލާތާ، އަދި ކުށުގެ އަމަލުން ހޯދާފައިވާ ފައިސާއާއި، މުދަލާއި ތަކެތި އަތުލެވޭނެއެވެ.

(ށ) މި ގާނޫނުގައި ބަޔާން ކޮށްފައިވާ ކުށަކާމެދު، މީހެއްގެ މައްޗަށް ތުހުމަތު ކުރެވިއްޖެނަމަ، ނުވަތަ ދައްވާ އުފުލިއްޖެނަމަ، އެކުށެއް ކޮށްގެން ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މުދަލާއި ފައިސާއާއި ތަކެތި، އެމައްސަލައެއް ށަރީއަތުން ވަކިގޮތަކަށް ނިމެންދެން ހިފެހެއްޓުމަށް، ނުވަތަ އެމީހެއްގެ ބެލުމުގެ ދަށުން އެ އެއްޗެއް ދިޔަނުދިނުމަށް، ނުވަތަ އެ އެއްޗަކުން އެއްވެސް ތަސައްރުފެއް ނުކުރުމަށް، ނުވަތަ ވަކި ފަރާތެއްގެ ހަވާލުގައި އެ އެއްޗެއް ބެހެއްޓުމަށް ގާޒީއަށް އަމުރު ކުރެވިދާނެއެވެ.

(ނ) މިގާނޫނުގައި ބަޔާން ކޮށްފައިވާ ކުށަކާމެދު މީހެއްގެ މައްޗަށް ތުހުމަތު ކުރެވިއްޖެނަމަ، މިމާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، އެމާއްދާގައި ބުނެފައިވާ ފަދަ އަމުރެއް ހޯދުމަށް އެމައްސަލައެއް ކޯޓަށް ހުށަހަޅައި، ވަކިގޮތަކަށް ގާސީ ނިންމަންދެން، އެކުށެއް ކޮށްގެން ހޯދާފައިވާކަމަށް ތުހުމަތު ކުރެވޭ ފައިސާއާއި މުދަލާއި ތަކެތި ހިފެހެއްޓުމުގެ އިހްތިޔާރު މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީއަށާއި، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭށަނަށް ލިބިގެންވެއެވެ.

 

11 ވަނަ މާއްދާ – މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދިނުން

(ހ) މަސްތުވާ ތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން، މި ގާނޫނުގެ ދަށުން ފަރުވާދޭންޖެހޭ މީހުންނަށް ފަރުވާދިނުމާބެހޭ ކަންތައްތައް ބަލަހައްޓާނީ، ނާކޮޓިކްސް ކޮންޓްރޯލް ބޯޑުންނެވެ. އަދި މަސްތުވާ ތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން މި ގާނޫނުގެ ދަށުން ފަރުވާދޭންޖެހޭ މީހުންނަށް ފަރުވާދިނުމާބެހޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅާނީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީއާއި، މިނިސްޓްރީ އޮފް ވިމެންސް އެފެއާޒް އެންޑް ސޯށަލް ސެކިއުރިޓީއާއި، މިނިސްޓްރީ އޮފް ހެލްތާއި، އެޓަރނީ ޖެނެރަލްގެ އޮފީހުގެ މަށްވަރާގެމަތިން، ނާކޮޓިކްސް ކޮންޓްރޯލް ބޯޑުންނެވެ.

(ށ) މަސްތުވާ ތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން، މި ގާނޫނުގެ ދަށުން ފަރުވާ ދޭންޖެހޭ މީހުން ކަނޑައަޅައި، އެ މީސްމީހުންނަށް ފަރުވާދޭނެ ގޮތް ކަނޑައަޅާނީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީއާއި، މިނިސްޓްރީ އޮފް ހެލްތާއި، މިނިސްޓްރީ އޮފް ވިމެންސް އެފެއާޒް އެންޑް ސޯށަލް ސެކިއުރިޓީއާއި، އެޓަރނީ ޖެނެރަލްގެ އޮފީސް ހިމެނޭ ގޮތުން އެކުލަވާލެވޭ ކޮމިޓީއަކުންނެވެ.

(ނ) އެއްވެސް މީހެއްގެ މައްޗަށް މަސްތުވާ ތަކެތި ބޭނުންކުރުމުގެ ކުށް ށަރީއަތަށް ސާބިތުވެއްޖެނަމަ، އެމީހެއްގެ މައްޗަށް ހުކުމްކުރި ކޯޓަކުން ލަސްނުކޮށް ނާކޮޓިކްސް ކޮންޓްރޯލް ބޯޑަށް އެކަން އަންގަންވާނެއެވެ. މަސްތުވާ ތަކެތި ބޭނުންކުރުމުގެ ކުށް ސާބިތުވި މީހަކީ އެމީހެއްގެ މައްޗަށް ސާބިތުވެފައިވާ އެހެން ކުށެއްގެ އަދަބުގައި ޖަލަށްލުމަށް ނުވަތަ އަރުވާލުމަށް ނުވަތަ ގޭގައި ބަންދުކުރުމަށް ހުކުމްކުރެވި އެ ހުކުމް ތަންފީޒުކުރަމުންގެންދާ ނުވަތަ ކުރަންޖެހިފައިވާ މީހަކު ކަމުގައިނުވާނަމަ، އެމީހަކީ މި ގާނޫނުގެ ދަށުން ފަރުވާދޭންޖެހޭ މީހެއްކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކައި ނާކޮޓިކްސް ކޮންޓްރޯލް ބޯޑުން މި މާއްދާގެ (ށ) ގައި ބުނެފައިވާ ކޮމިޓީއަށް ހުށަހަޅަންވާނެއެވެ.

 

12 ވަނަ މާއްދާ – ފަރުވާހޯދުމަށް އަމިއްލައަށް އެދޭ މީހުން

މިގާނޫނާ ހިލާފަށް، މަސްތުވާ ތަކެތި ބޭނުންކުރާ މީހަކު، މަސްތުވާ ތަކެތި ބޭނުންކުރާކަން ފާޅުވުމުގެ ކުރީގައި، ފަރުވާ ލިބިގަތުމަށް އެދި ނާކޮޓިކްސް ކޮންޓްރޯލް ބޯޑަށް ހުށަހެޅުމުން އެމީހަކީ ކުށެއްގެ އަދަބުގައި ޖަލަށްލުމަށް ނުވަތަ އަރުވާލުމަށް ނުވަތަ ގޭގައި ބަންދުކުރުމަށް ހުކުމްކުރެވި، އެ ހުކުމް ތަންފީޒްކުރަމުން ގެންދާ ނުވަތަ ކުރަންޖެހިފައިވާ މީހަކު ކަމުގައިނުވާނަމަ، މި ގާނޫނުގެ 11 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ކޮމިޓީން އެމީހަކީ ފަރުވާދޭންޖެހޭ މީހެއްކަމަށް ކަނޑައަޅައި، އެ ކޮމިޓީން ކަނޑައަޅާ ގޮތެއްގެމަތިން އެކޮމިޓީން ގަބޫލުކުރާ ފެންވަރަކަށް، އިތުރު ކުށެއް ކުރުމަކާނުލައި، ފަރުވާ ލިބިގެންފިނަމަ، އެއީ ކާކުކަން އާންމުކޮށް ހާމަކޮށްގެން ނުވާނެއެވެ. އަދި އެމީހެއްގެ މައްޗަށް މި ގާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައްވާއެއް ނުކުރެވޭނެއެވެ. ނަމަވެސް އެ ކޮމިޓީން ކަނޑައަޅާ ގޮތެއްގެމަތިން އެކޮމިޓީން ގަބޫލުކުރާ ފެންވަރަކަށް ފަރުވާ ލިބިނުގެންފިނަމަ، އެމީހެއްގެ މައްޗަށް މި ގާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައްވާ ކުރެވޭނެއެވެ.

 

13 ވަނަ މާއްދާ – ފަރުވާ ފުރިހަމަކުރުން

(ހ) މި ގާނޫނުގެ 11 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން އެމާއްދާގެ (ށ) ގައި ބުނެފައިވާ ކޮމިޓީއަށް ހުށަހެޅޭ މައްސަލައެއްގައި އެމީހަކީ ފަރުވާދޭންޖެހޭ މީހެއްކަމަށް އެ ކޮމިޓީން ކަނޑައަޅައިފިނަމަ، އެ ކޮމިޓީން ކަނޑައަޅާ ގޮތެއްގެމަތިން، އެ ކޮމިޓީން ގަބޫލުކުރާ ފެންވަރަކަށް އެމީހަކު ފަރުވާ ލިބިގެންފިނަމަ، އަދި އެމީހެއްގެ މައްޗަށް ކޮށްފައިވާ ހުކުމުގެ މުއްދަތުގެ ތެރޭގައި އިތުރު ކުށެއް ކޮށްފައިނުވާނަމަ، އެމީހެއްގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒެއް ނުކުރެވޭނެއެވެ.

ފަރުވާ ފުރިހަމަނުކުރުން

(ށ) މި ގާނޫނުގެ 11 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވާކޮމިޓީން ކަނޑައަޅާ ގޮތެއްގެމަތިން އެ ކޮމިޓީން ކަނޑައަޅާ މިންގަނޑަށް އަދި އެ ކޮމިޓީ ގަބޫލުކުރާ ފެންވަރަކަށް ފަރުވާ ލިބިނުގެންފިނަމަ، ނުވަތަ އެމީހެއްގެ މައްޗަށް ކޮށްފައިވާ ހުކުމުގެ މުއްދަތުގެ ތެރޭގައި އިތުރު ކުށެއްކޮށްފިނަމަ، އެމީހެއްގެ މައްޗަށް ކޮށްފައިވާ ހުކުމް ވަގުތުން ތަންފީޒުކުރަންވާނެއެވެ.

 

14 ވަނަ މާއްދާހުކުމް ތަންފީޒުނުކޮށް ފަސްކުރުން

(ހ) މިގާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށެއްކުރީ، އުމުރުން 18 އަހަރު ނުފުރޭ ކުއްޖެއްނަމަ، އަދި އެއީ، އެކުއްޖެއްގެ މައްޗަށް އެފަދަ ކުށެއް ސާބިތުވި ފުރަތަމަ ފަހަރު ކަމުގައިވާނަމަ، އެ މާއްދާގެ ދަށުން އެކުއްޖަކަށް ކަނޑައެޅޭ ހުކުމް ތަންފީޒުކުރުން 3 އަހަރުދުވަހުގެ މުއްދަތަށް ފަސްކުރުމަށް ގާޒީ އަމުރުކުރަންވާނެއެވެ. އަދި އެކުއްޖަކީ އެކުއްޖެއްގެ މައްޗަށް މަސްތުވާ ތަކެތި ބޭނުންކުރުމުގެ ކުށް ސާބިތުވި ކުއްޖެއްނަމަ އެކުއްޖަކަށް ފަރުވާދިނުމަށް، މި ގާނޫނުގެ 11 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ކޮމިޓީން ކަނޑައަޅައި އެކުއްޖަކަށް ފަރުވާ ލިބިދޭންވާނެއެވެ.

(ށ) މި ގާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއްކުރީ، އުމުރުން 18 އަހަރުން މަތީގެ މީހަކަށްވެފައި، އެއީ އެމީހާގެ މައްޗަށް މި ގާނޫނުގެ ދަށުން ކުށެއް ސާބިތުވި ފުރަތަމަ ފަހަރު ކަމަށްވެފައި، އެމީހަކީ މި ގާނޫނުގެ 11 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން ފަރުވާ ލިބެންޖެހޭ މީހަކުކަމަށް ކަނޑައަޅާފައިނުވާނަމަ، މި ގާނޫނުގެ 4 ވަނަ މާއްދާގެ ދަށުން އެމީހާގެ މައްޗަށް ހުކުމް ކަނޑައެޅުނު މުއްދަތުގެ ދެބައިކުޅައެއްބައި، އިތުރު ކުށެއް ކުރުމަކާނުލައި، އެ ހުކުމުގެ އަދަބުގައި ހޭދަކޮށްފިނަމަ، ހުކުމުން ތަންފީޒުނުކުރެވި ބާކީ އޮތްބައި ތަންފީޒުކުރުން އެ ހުކުމުގެ މުއްދަތު ހަމަވަންދެން ފަސްކުރެވޭނެއެވެ.

 

15 ވަނަ މާއްދާ – ތަންފީޒުކުރުން ފަސްކުރެވިފައިވާ މުއްދަތުގައި ކުށްކުރުން

(ހ) މި ގާނޫނުގެ 14 ވަނަ މާއްދާގެ ދަށުން ހުކުމް ތަންފީޒުނުކޮށް ފަސްކުރެވޭ މުއްދަތުގެ ތެރޭގައި އެމީހަކު، އެހެން ކުށެއް ނުކުރާނަމަ، އެމީހެއްގެ މައްޗަށް ކުރެވުނު ހުކުމް، ފަހުންވެސް ތަންފީޒުއް ނުކުރެވޭނެއެވެ.

(ށ) އެމީހެއްގެ މައްޗަށް ކުރެވިފައިވާ ހުކުމް ތަންފީުކުރުން ފަސްކުރެވިފައިވާ މުއްދަތުގެތެރޭގައި އެމީހަކު އެހެންކުށެއް ކުރިކަން، ސާބިތުވެއްޖެނަމަ، ތަންފިޒުކުރުން ފަސްކުރެވިފައިވާ ހުކުމް، ވަގުތުން ތަންފީޒުކުރުމަށް، ނުވަތަ ފަހުން ސާބިތުވި ކުށައް ކަނޑައެޅުނު ހުކުމް ތަންފީޒުކޮށް ނިމުމުން، ތަންފީޒުކުރުން ފަސްކޮށްފައިވާ ހުކުމް، ތަންފީޒުކުރުމަށް ގާޒީ އަމުރު ކުރަންވާނެއެވެ.

 

16 ވަނަ މާއްދާ - ވާޖިބަށް ހުރަސް އެޅުން

(ހ) މިގާނޫނު ހިންގުމުގައި، ގާނޫނީގޮތުން ބާރު ލިބިފައިވާ އެއްވެސް ފަރާތަކުން އަދާކުރަންޖެހޭ ވާޖިބަށް ހުރަސްއެޅުމަކީ ކުށެކެވެ.

(ށ) މިމާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ކުށެއް ކުރި މީހެއްގެ އަދަބަކީ، 1 އަހަރާއި 3 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން، ނުވަތަ އަރުވާލުން، ނުވަތަ ގޭގައި ބަންދު ކުރުމެވެ.

 

17 ވަނަ މާއްދާ – ރާއްޖޭންބޭރުގައި ކުށްކުރުން    

މިގާނޫނުގައި ބަޔާން ކޮށްފައިވާ ކުށެއްކުރީ، ރާއްޖޭން ބޭރުގައި ކަމަށްވިޔަސް، އެކުށެއްކުރި މީހެއްގެ މައްޗަށް، މިގާނޫނު ހިންގޭނެއެވެ.

 

18 ވަނަ މާއްދާ – ށަރީއަތުގެ މަޖިލީހުގައި ދޭ ސައިންޓިފިކް ބަޔާން

(ހ) މަސްތުވާ އެއްޗެއް މީހަކު ބޭނުން ކޮށްފައިވާކަން،  ނުވަތަ ބޭނުން ކޮށްފައިވާ މަސްތުވާ އެއްޗެއްގެ ބާވަތް، ނުވަތަ މަސްތުވާ އެއްޗެއް ބޭނުންކޮށްފައިވާ މިންވަރު ދެނެގަތުމަށް ސައިންޓްފިކް އުސޫލުގެމަތިން ބަލަންޖެހޭ ބެލުންތައް ބެލުމަށް ބޭނުންވާ ތައްލީމީ ފާހާއި ތަޖްރިބާ ލިބިފައިވާ މީހަކު، މިއިން ކަމެއް ބެލުމަށްފަހު، އެކަމަކާ ބެހޭގޮތުން، ށަރީއަތުގެ މަޖިލީހުގައި ދޭބަޔާނަކީ، އެކަމެއް ސާބިތު ކުރުމަށްޓަކައި ލިބޭ ހަރުދަނާ ގަރީނާއެކެވެ.

(ށ) މިމާއްދާގެ (ހ) ގައިވާފަދަ ތައްލީމީ ފާސް ލިބިފައިވާ މީހަކު، ތިރީގައިމިވާ ކަންތައްތަކާ ބެހޭގޮތުން، ށަރީއަތުގެ މަޖިލީހުގައި ދޭ ބަޔާނަކީ، އެކަމަކާބެހޭގޮތުން ށަރީއަތަށް ގަބޫލު ކުރެވޭނޭ ބަޔާނެކެވެ.

 

  1. މަސްތުވާ އެއްޗެއްގެ ބާވަތާއި، ނަން.
  2. މަސްތުވާ އެއްޗެއް ސިފަކޮށްދޭ ދިނުމާއި، އަދި އޭގެ ބަރުދަން.
  3. މަސްތުވާ އެއްޗެއްގެ ތެރެއަށް އެހެން އެއްޗެއް އެއްކޮށްފައި ވާނަމަ، އެއެއްޗެއްގެ ބާވަތާއި، ނަން، އަދި އެ މަސްތުވާ އެއްޗެއް ބަހައްޓާފައިވާ އެތި.
  4. މަސްތުވާ އެއްޗެއް ތަހްލީލު ކުރެވުނު ގޮތާއި، އޭގެ ނަތީޖާ.

(ނ) މިމާއްދާގެ (ހ) އާއި (ށ) ގައި ބަޔާން ކުރެވިފައިވާ ބަޔާންދޭ މީހާއަކީ، އެފަދަ ތަހްލީލުކޮށް ލިޔުން ދޫކުރުމުގެ ހުއްދަ މިނިސްޓްރީ އޮފް ހެލްތުން ލިބިފައިވާ މީހަކަށް ވާންވާނެއެވެ.

 

19 ވަނަ މާއްދާ – އިސްތިސްނާ ކުރުން

މަސްތުވާ ތަކެއްޗާބެހޭ މައްސަލަތައްބަލައި ތަހްގީގުކުރާ ފަރާތްތަކުގެ މައްލޫމާތަށްޓަކައި ގެންނަންބޭނުންވާ އެކި ބާވަތްބާވަތުގެ މަސްތުވާ އެއްޗެހި، އެއިން ކޮންމެ ބާވަތަކުން ދެ ގްރާމަށްވުރެ އިތުރު ނުވާނޭގޮތެއްގެ މަތިން، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީން ދިވެހިރާއްޖެއަށް ގެންނަ ގެނައުން މިގާނޫނުން އިސްތިސްނާ ކުރެވޭނެއެވެ.

 

20 ވަނަ މާއްދާ - ބަނގުރާ ބުއިމުގެކުށް

މިގާނޫނުގެ 4 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރެވިފައިވާ ކުށެގެ ތެރޭގައި، ބަނގުރާ ބުއިމުގެ ކުށެއް ނުހިމެނެއެވެ.

 

21 ވަނަ މާއްދާ - ގަވާއިދުހެދުން

މިގާނޫނު ހިންގުމަށްޓަކައި ބޭނުންވާ ގަވައިދުތައް ހެދުމާއި، ހިންގުމުގެ އިހްތިޔާރު، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތަކަށް ލިބިގެން ވެއެވެ.

 

22 ވަނަ މާއްދާ - މާނަ

މިގާނޫނުގައި:-

(ހ) މަނާ ކުރެވިފައިވާ މަސްތުވާ ތަކެތި ކަމަށް ބުނެފައިވަނީ، މިގާނޫނުގެ ތާވަލު 1 ގައި ބަޔާ ކޮށްފައިވާ ތަކެއްޗަށެވެ.

(ށ) ބޭހުގެ ގޮތުގައި ބޭނުން ކުރެވޭ މަސްތުވާތަކެތި ކަމަށް ބުނެފައިވަނީ، މިގާނޫނުގެ ތާވަލު 2 ގައި ބަޔާން ކޮށްފައިވާ ތަކެއްޗަށެވެ.    

(ނ) މަސްތުވާ ތަކެތި ކަމަށް ބުނެފައިވަނީ، މިގާނޫނުގެ ތާވަލު 1 އާއި ތާވަލު 2 ގައި ބަޔާން ކޮށްފައިވާ ތަކެއްޗަށެވެ.

(ރ) މަސްތުވާ ތަކެތި ބޭނުންކުރުން ކަމަށް ބުނެފައިވަނީ، މިގާނޫނުގެ ތާވަލު 1 އާއި ތާވަލު 2 ގައި ބުނެފައިވާ އެއްވެސް އެއްޗެއް އިސްތިއުމާލުކުރުމަށާއި، މަސްތުވެގަތުމަށް ޓަކައި ހަށިގަނޑުގެ ތެރެއަށް ފޮނުވާލުމަށެވެ.

(ބ) ބޭސް ކުރުމުގެ ހުއްދަ ލިބިފައިވާ ޑޮކްޓަރުން ކަމަށް ބުނެފައި އެވަނީ ދިވެހިރާއްޖޭގައި ނަމަ މިނިސްޓްރީ އޮފް ހެލްތުން ހުއްދަދީފައިވާ މެޑިކަލް ޑޮކްޓަރުންނާއި، މި ގާނޫނުގެ ތާވަލު 2 ގައި ބަޔާން ކުރެވިފައިވާ ބޭސްތައް ދޫކުރުމުގެ ހުއްދަ ދީފައިވާ މީހުންނަށެވެ. އަދި ރާއްޖޭން ބޭރުގައިނަމަ އެ ގައުމެއްގެ ކަމާއިބެހޭ ރަސްމީ ފަރާތްތަކުން ބޭސްކުރުމުގެ ހުއްދަ ދީފައިވާ މެޑިކަލް ޑޮކްޓަރުންނަށެވެ.

(ޅ) ކުށެއްގައި ބައިވެރިވުންކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 1/1981 "ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު (ޕީނަލް ކޯޑް)" ގެ ޗެޕްޓަރ 1 ގެ 12 ވަނަ މާއްދާގައި ކުށެއްގައި ބައިވެރިވުންކަމަށް ބުނެފައިވާ ކަމެއް ކުރުމަށެވެ.

           ------------------

 

 

ތާވަލު 1

މަނާކުރެވިފައިވާ މަސްތުވާތަކެތި

   

                  

1-   އެސިޓޯފިން

ACETORPHI

2-   އެސިޓައިލް- އަލްފާ-

ACETYL-ALPHA-METHYLFENTANYL

3-   މިތައިލްފެންޓަނިލް

ACETYLMETHADOL

4-   އެސިޓައިލްމެތަޑޯލް

ALLYLPRODINE

5-   އެލައިލްޕްރޯޑިން

ALPHAMETHADOL

6-   އަލްފާމެތަޑޯލް

ALPHA-METHYLFENTANYL

7-   އަލްފާ- މިތައިލްފެންޓަނިލް

ALPHA-METHAYLTHIOFENTANYL

8-   އަލްފާޕްރޯޑިން

ALPHAPRODINE

9-   އެނިލެރިޑިން

ANILERIDINE

10-   ބެންޒެތައިޑިން

BENZETHIDINE

11-   ބެނަޒައިލްމޯފިން

BENZYLMORPHINE

12-   ބީޓާއެސިޓައިލްމެތަޑޯލް

BETACETYLMETHADOL

13-   ބީޓާ- ހައިޑްރޮކްސީފެންޓަނިލް

BETA-HYDROXY FENTANYL

14-   ބީޓާ- ހައިޑްރޮކްސީ-3- މިތައިލްފެންޓަނިލް

BETA-HYDROXY-3-METHYLFENTANYL

15-   ބީޓާމެޕްރޮޑިން

BETAMEPRODINE

16-   ބީޓާމެތަޑޯލް

BETAMETHADOL

17-   ބީޓާޕްރޯޑީން

BETARODINE

18-   ބެޒިޓްރަމައިޑް

BEZITRAMIDE

19-   ބްރޯލްއެމްފިޓަމިން

BROLAMFETAMINE

20-   ބިޔުޕްރިނޯފިން

BUPRENORPHINE

21-   ކެނަބިސް އަދި ކެނަބިސް ރޭސިން

CANNABIS AND CANNABIS RESIN

22-   ކެތިނޯން

CETHINONE

23-   ކްލޯނިޓަޒިން

CLONITAZENE

24-   ކޮކާ ލީފް

COCA LEAF

25-   ކޮކޭން

COCAINE

26-   ކޮޑޮކް ސައިމް

CODOXINE

27-   ކޮންސެންޓްރޭޓް އޮފް ޕޮޕީ ސްޓްރޯ

CONCENTREATE OF POPPY STRAW

28-   ސައިކްލޯ ބާބިޓާލް

CYCLOBARBITAL

29-   ޑެސޯމޯފިން

DESOMORPHINE

30-   ޑީ.އީ.ޓީ

DET

31-   ޑެކްސްޓްރޯމޮރަމައިޑް

DEXTROMORAMIDE

32-   ޑީ.އެމް.އޭ

DMA

33-   ޑީ.އެމް.އެޗް.ޕީ

DMHP

34-   ޑީ.އެމް.ޓީ

DMT

35-   ޑީ.އޯ.އީ.ޓީ

DOET

36-   ޑައަމްޕްރޮމައިޑް

DIAMPROMIDE

37-   ޑައި އިތައިލްތައަމްބިއުޓިން

DIETHYLTHIAMBUTENE

38-   ޑައި ފެނޮކްސިން

DIFENOXIN

39-   ޑައި ހައިޑްރޯމޯފިން

DIHYDROMORPHINE

40-   ޑައި މެނޮކްސްސަޑޯލް

DIMENOXADOL

41-   ޑައިމެފެޕްޓަނޯލް

DIMEPHEPTANOL

42-   ޑައިމިތަލްތައަމްބިއުޓިން

DIMETHYLTHIAMBUTENE

43-   ޑައޮކްސަފިޓައިލްބިއުޓަރޭޓް

DIOXATHETYLBURYRATE

44-   ޑައިފެނޮކްސިލޭޓް

DIPHENOXYLATE

45-   ޑައިޕިޕަނޯން

DIPIPANONE

46-   ޑްރޯޓިބަނޯލް

DROTEBANOL

47-   އެކްގޯނިން

ECGONINE

48-   އިތައިލްމިތައިލްތައަމްބިއުޓިން

ETHYLMETHYLTHIAMBUTENE

49   އެޓިސައިކްލިޑިން

ETICYCLIDINE

50   އެޓޯނިޓަޒިން

ETONITAZINE

51-   އެޓޯފިން

ETORPHINE

52-   އެޓޯޒެރިޑިން

ETOXERIDINE

53-   އީޓްރިޕްޓަމިން

ETRYPTAMINE

54-   ފެނެޓިލީން

FENETYLLINE

55-   ފިޔުރެތިޑިން

FURETHIDNIE

56-   ހެރޮއިން

HEROINE

57-   ހައިޑްރޯމޯފިނޯލް

HYDROMORPHINOL

58-   ހައިޑްރޮކްސިޕެތިޑިން

HYDROXYPETHIDINE

59-   އައިސޯމެތަޑޯން

ISOMETHADONE

60-   ކީޓޯބެމިޑޯން

KETOBEMIDONE

61-   ލީވަމްޕެޓަމިން

LEVAMFETAMINE

62-   ލީވޯމެޓަންފިޓަމިން

LEVOMETAMFETAMINE

63-   ލީވޯމެތޯފަން

LEVOMETHORPHAN

64-   ލީވޯމޮރޮމައިޑް

LEVOMORAMIDE

65-   ލީވޯފެނަސިލްމޯފަން

LEVOPHENACYLMORPHAN

66-   ލައިސަރޖައިޑް (އެލް.އެސް.ޑީ)

LYSERGIDE (LSD)

67-   މެޓަޒޯސިން

METAZOCINE

68-   މިތައިލްޑެސޯފިން

METHYLDESORPHINE

69-   މިތައިލް ޑައިހައިޑްރޯމޯފިން

METHYLDIHYDROMORPHINE

70-   3- މިތައިލް ފެންޓަނިލް

3-METHYLFENTANYL

71-   3- މިތައިލް ތަޔޯފެންޓަނިލް

3-METHYLTHIOFENTANYL

72-   މެޓޯޕޯން

METOPON

73-   މެޓަމްފެޓަމިންރެސިމޭޓް

METAMFETAMINERACEMATE

74-   މެކްލޯކުއަލޯން

MECLOQUALONE

75-   މެތަކުއަލޯން

METHAQUALONE

76-   މެތްކެތިނޯން

METHCATHINONE

77-   މިތައިލްފެނިޑޭޓް

METHYLPHENIDATE

78-   މޯފެރިޑިން

MORPHERIDINE

79-   މެސްކަލިން

MESCALINE

80-   މޮރަމައިޑް އިންޓަރމީޑިއޭޓް

MORAMIDE INTERMEDIATE

81-   މިތައިލްއެމިނޮރެކްސް

4-METHYLAMINOREX

82-   އެމް.ޕީ.ޕީ.ޕީ

MPPP

83-   އެމް.އެމް.ޑީ.އޭ

MMDA

84-   އެމް.ޑީ.އެމް.އޭ

MDMA

85-   އެމް.ޑީ.އީ

MDE

86-   މައިރޯފިން

MYROPHINE

87-   އެން-އޯ.އެޗް.އެމް.ޑީ.އޭ

N-OHMDA

88-   ނިކޯމޯފިން

NICOMORPHINE

89-   ނޮރޮސިމެތަޑޯލް

NORACYMETHADOL

90-   ނޯލިވޯފެނޯލް

NORLEVORPHANOL

91-   ނޯމެތަޑޯން

NORMETHADONE

92-   ނޯމޯފިން

NORMORPHINE

93-   ނޯޕިޕަނޯން

NOPIPANONE

94-   ޕެރަ- ޕްލޫރޯފެންޓަނިލް

PARA-FLUOROFENTANYL

95-   ޕެރަހެކްސިލް

PARAHEXYL

96-   ޕީ.އީ.ޕީ.އޭ.ޕީ

PEPAP

97-   ފެނަޑޮކްސޯން

PHENADOXONE

98-   ފެނަމްޕްރޮމައިޑް

PHENAMPROMIDE

99-    ފެނަޒޯސިން

PHENAZOCINE

100-   ފެނޯމޯފަން

PHENOMORPHAN

101-   ފެނޯޕެރިޑިން

PHENOPERIDINE

102-   ފެންސައިކްލީޑިން

PHENCYCLIDINE

103-   ފެންމެޓްރިޒިން

PHENMETRAZINE

104-   ޕިމިނޯޑިން

PIMINODINE

105-   ޕިރިޓްރަމައިޑް

PIRITRAMIDE

106-   ޕީ.އެމް.އޭ

PMA

107-   ޕްރޯހެޕްޓަޒިން

PROHEPTAZINE

108-   ޕްރޯޕެރިޑިން

PROPERIDINE

109-   ސައިލޯސައިބިން

PSILOCYBINE

110-   ސައިލޯސިން، ސައިލޮޓްސިން

PSILOCINE, PSILOTSIN

111-   ރޭސިމެތޯފަން

RACEMETHORPHAN

112-   ރޭސިމޮރޮމައިޑް

RACEMORAMIDE

113-   ރޭސިމޯފަން

RACEMORPHAN

114-   ރޯލިސައިކްލިޑިން

ROLICYCLIDINE

115-   އެސް.ޓީ.ޕީ-ޑީ.އޯ.އެމް

STP-DOM

116-   ޓެނެމްފިޓަމިން

TENAMPHITAMINE

117-   ޓީނޯސައިކްލިޑިން

TENOCYCLIDINE

118-   ޓެޓްރާހައިޑްރޯކެނަބިނޯލް

TETRAHYDRO CANNABINOL

119-   ތިބެކޯން

THEBACON

120-   ތިބޭން

THEBAINE

121-   ތަޔޯފެންޓަނިލް

THIOFENTANYL

122-   ޓިލިޑީން

TILIDINE

123-   ޓީ.އެމް.އޭ

TMA

124-   ޓްރައިމެޕެރިޑިން

TRIMEPERIDINE

125-   ޒިޕެޕްރޯލް

ZIPEPROL

 

 

 

ތާވަލު 2

ބޭހުގެގޮތުގައި ބޭނުންކުރެވޭ މަސްތުވާތަކެތި

 

1- އެމްފިޕްރޮމޯން

AMFEPRAMONE

2- އެމްފިޓަމިން

AMFETAMINE

3- އެމައިނޯރެކްސް

AMINOREX

4- އެމޯބާބިޓާލް

AMOBARBITAL

5- އަލްފެންޓަނިލް    

ALFENTANIL

6- އެލޯބާބިޓާލް

ALLOBARBITAL

7- އެލްޕްރޮޒޯލަމް

ALPRAZOLAM

8- ބާބިޓާލް

BARBITAL

9- ބެންޒްފިޓަމިން

BENZFETAMINE

10- ބްރޯމަޒެޕާމް

BROMAZEPAM

11- ބްރޮޓިޒޯލަމް

BROTIZOLAM

12- ބިއުޓަލްބިޓާލް

BUTALBITAL

13- ކެމަޒިޕާމް

CAMAZEPAM

14- ކެތީން

CATHINE

15- ކްލޯރޑައިޒެޕޮކްސައިޑް

CHILORDIAZEPOXIDE

16- ކްލޯބަޒާމް    

CLOBAZAM

17- ކްލޯނަޒިޕާމް

CLONAZEPAM

18- ކްލޯރަޒިޕޭޓް

CLOCLORAZEPATE

19- ކްލޯޓިއަޒިޕާމް

CLOTIAZEPAM

20- ކްލޮކްސަޒޯލަމް

CLOXAZOLAM

21- ކޯޑީން

CODEINE

22- ޑައިޒަޕާމް

DIAZEPAM

23- ޑިލޯރަޒިޕާމް

DELORAZEPAM

24- ޑެކްސްއެމްފިޓަމިން

DEXAMFETAMINE

25- އެސްޓަޒޯލަމް

ESTAZOLAM

26- އެތްކްލޯވިނޯލް

ETHCHLORVYNOL

27- އެތިނަމޭޓް

ETHINAMATE

28- އިތައިލްލޮފްލަޒިޕޭޓް    

ETHYL LOFLAZEMPTATE

29- އެޓިލެމްފިޓަމިން

ETILAMFETAMINE

30- ފެންކެމްފަމިން

FENCAMFAMINE

31- ފެންޕްރޮޕޮރެކްސް

FENPROPREX

32- ފެންޓަނިލް

FENTANYL

33- ފްލޫޑައިޒަޕާމް

FLUDIAZEPAM

34- ފްލޫނައިޓްރޮޒިޕާމް

FLUNITRAZEPAM

35- ފްލޫރަޒިޕާމް

FLURAZEPAM

36- ގްލޫޓެތިމައިޑް

GLUTETHIMIDE

37- ހެލަޒިޕާމް    

HALAZEPAM

38- ހެލޮކްސަޒޯލަމް

HALOXAZOLAM

39- ހައިޑްރޯކޯޑޯން

HYDROCODE

40- ހައިޑްރޯމޯފޯން

HYDROMORPHONE

41- ކެޓަޒޯލަމް

KETAZOLAM

42- ލިފިޓަމިން

LEFETAMINE

43- ލިވޯފަނޯލް

LEVORPHANOL

44- ލޯޕްރަޒޯލަމް

LOPRAZOLAM

45- ލޮރަޒެޕާމް    

LORAZEPAM

46- ލޯމިޓަޒިޕާމް

LORMETAZETAM

47- މެޒިންޑޯލް

MAZINDO

48- މެތަޑޯން

METHADONE

49- މޯފިން

MORPHINE

50- މެޑަޒިޕާމް

MEDAZEPAM

51- މެފިނޮރެކްސް

MEFENOREX

52- މެޕްރޯބަމޭޓް

MEPROBAMATE

53- މެސޯކާބް     

MESOCARB

54- މީތައިލްފީނޯބާބިޓާލް    

METHYLPHENOBARBITAL

55- މެތިޕްރިލޯން

METHYPRYLON

56- މެޑަޒޯލަމް

MIDAZOLAM

57- ނަލްބިއުފީން

NALBUPHINE

58- ނިމެޓަޒިޕާމް

NIMETAZEPAM

59- ނައިޓްރަޒިޕާމް

NITRAZEPAM

60- ނޯޑަޒިޕާމް

NORDAZEPAM

61- އޯޕިއަމް (އަފިހުން)

OPIUM

62- އޮކްސިކޯޑޯން

OXYCODONE

63- އޮކްސިމޯފޯން

OXYMORPHONE

64- އޮކްސަޒިޕާމް

OXAZEPAM

65- އޮކްސަޒޯލަމް

OXAZOLAM

66- ޕެތިޑިން

PETHIDINE

67- ޕެތިޑިން-އިންޓަރމީޑިއޭޓް-އޭ

PETHIDINE-INTERMEDIATE-A

68- ޕެތިޑިން-އިންޓަރމީޑިއޭޓް-ބީ     

PETHIDINE-INTERMEDIATE-B

69- ޕެތިޑިން-އިންޓަރމީޑިއޭޓް-ސީ    

PETHIDINE-INTERMEDIATE-C

70- ޕެންޓޯބާބިޓާލް

PENTOBARBITAL

71- ޕެންޓަޒޯސިން

PENTAZOCINE

72- ޕްރޮޕޮކްސިފީން

PROPOXYPHENE

73- ޕިމޯލިން

PEMOLINE

74- ފެންޑައިމެޓްރޮޒީން

PHENDIMETRAZINE

75- ފީނޯބާބިޓާލް

PHENOBARBITAL

76- ފެންޓަމީން

PHENTERMINE

77- ޕިނަޒިޕާމް    

PINAZEPAM

78- ޕިޕްރަޑޯލް    

PIPRADOL

79- ޕްރަޒިޕާމް    

PRAZEPAM

80- ޕައިރޯވަލިރޯން

PYROVALERONE

81- ސެކޯބާބިޓާލް

SECOBARBITAL

82- ސެކްބިއުޓަބާބިޓާލް     

SECBTUABARBITAL

83- ސިޔުފެންޓަނިލް

SUFENTANIL

84- ޓިމަޒިޕާމްޓް

TEMAZEPAM

85- ޓެޓްރަޒިޕާމް

TETRAZEPAM

86- ޓްރިއަޒޯލަމް

TRIAZOLAM

87-ވިނައިލްބިޓާލް

VINYLBITAL

 

މިތާވަލުގައި ތަކެތީގެ ނަންތައް ލިޔެފައި އެވަނީ، 1961 ގެ ސިންގަލް ކޮންވެންށަން އޮން ނާރކޮޓިކް ޑްރަގްސް އާއި 1971 ގެ ކޮންވެންށަން އޮން ސައިކޯޓްރޮޕިކް ސަބްސްޓެންސަސްގެ ށެޑިއުލް ތަކުގައިވާ ގޮތަށެވެ. އަދި މިތާވަލުގައިވާ އެއްޗަކަށް މިތާވަލުގައި ބޭނުންކޮށްފައިވާ ނަން ނޫން އެހެން ނަމެއް ބޭނުން ކުރުމަކުން އެއެއްޗަކީ މިތާވަލުގައި ބުނެފައިވާ އެތިނޫންކަމަކަށް ނުބެލެވޭނެއެވެ.

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

4 ވަނަ އިސްލާހު

 

އުވި ގާނޫނު

މަސްތުވާތަކެއްޗާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2011-17)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު