-

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2011-10) އަށް 6 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2022-20)

(މި ގާނޫނަށް އަމަލުކުރަން ފެށީ 22 ނޮވެމްބަރު 2022 ގައި)

 

ގާނޫނު ނަންބަރު 2011-10 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

15. (ހ) (1) ޓޫރިޒަމާބެހޭ މިނިސްޓްރީން ހުއްދަ ލިބިގެން ހިންގާ ޓޫރިސްޓް ރިޒޯޓުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކާއި، ރިޒޯޓް ހޮޓާތަކާއި، ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކާއި، ޕިކްނިކް އައިލެންޑްތަކާއި، ޕްރައިވެޓް އައިލެންޑްތަކާއި، ޓޫރިސްޓް އުޅަނދުތަކާއި، ޔޮޓް ބަނދަރުތަކާއި، އެނޫންވެސް އެފަދަ ތަންތަނުން ވިއްކާ މުދަލާއި ހިދުމަތް؛

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 15 ވަނަ މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

15. (ށ) (4) 1 ނޮވެންބަރު 2014 އިން ފެށިގެން 31 ޑިސެންބަރު 2022 ގެ ނިޔަލަށް %12 (ބާރަ އިންސައްތަ)؛

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 15 ވަނަ މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ފަދައިން ނަންބަރެއް އިތުރުކުރުން.

(ށ) (5) 1 ޖަނަވަރީ 2023 އިން ފެށިގެން %16 (ސޯޅަ އިންސައްތަ)

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 15 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

15. (ރ) ޓޫރިސްޓް ރިޒޯޓެއް ނުވަތަ ރިޒޯޓް ހޮޓަލެއް ނުވަތަ ހޮޓަލެއް ނުވަތަ ޓޫރިސްޓް ގެސްޓްހައުސްއެއް ނުވަތަ ޕިކްނިކް އައިލެންޑެއް ނުވަތަ ޕްރައިވެޓް އައިލެންޑެއް އެކުގައި ނުވަތަ އެއިން ތަނެއްގެ ވަކި ބައެއް ނުވަތަ ވަކި ބައިތަކެއް ނުވަތަ ވަކި ގެއެއް ނުވަތަ ކޮޓަރިއެއް ނުވަތަ ކޮޓަރިތަކެއް، ސްޓްރާޓާ އުސޫލުން ނުވަތަ އެނޫން ގޮތަކަށް، ކަނޑައެޅޭ ވަކި މުއްދަތަކަށް، އަދި ކަނޑައެޅިފައިވާ އަގަކަށް ދޫކޮށްފައިވާނަމަ، އެ މުއާމަލާތާ ގުޅޭގޮތުން ޖީ.އެސް.ޓީ ހިސާބުކުރާނީ، އެގޮތުން ކަނޑައެޅިފައިވާ ޖުމްލަ އަގުގެ މައްޗަށް ބިނާކޮށެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 16 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) 1 ޖަނަވަރީ 2012 އިން ފެށިގެން 31 ޑިސެންބަރު 2022 ގެ ނިޔަލަށް %6 (ހައެއް އިންސައްތަ)؛

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 16 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

(ނ) 1 ޖަނަވަރީ 2023 އިން ފެށިގެން %8 (އަށެއް އިންސައްތަ).

 

7 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2011-10)

 

ކޮންސޮލިޑޭޓެޑް ގާނޫނު

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2011-10)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު