-

މާލޭގެ ގޯތިގޯއްޗާއި ބިންބިމުގެ އިން ވަކިކުރުމާއި އިމުގައި ނުވަތަ އިމާކައިރީގައި އިމާރާތްކޮށް ތަންތަން ހެދުމާއި މަގަށް ދޮރު ކެނޑުމާއި ބެހޭ ގާނޫނު

(ގާނޫނު ނަންބަރު 1978-54)

1 ވަނަ މާއްދާ

ކޮންމެ ގޯއްޗެއްގެ ނުވަތަ ބިމެއްގެ ހުރިހާ ފަރާތަކުންވެސް ހުންނަންވާނީ އިން ވަކިވާނެގޮތަށް ފުޅައްއަޅާ ނުވަތަ ފާރުލެވިފައެވެ. އަދި މިގޮތުން މަގާގުޅޭ އިމުގައި ހުންނަ ފުޅަކުން ނުވަތަ ފާރުން މަގަށް ދޮރުކަނޑަންވާނީ ނުވަތަ ކަނޑާފައިވާ ދޮރެއް ބައްދާލަންވާނީ މާލޭ މުނިސިޕަލްޓީން ހުއްދަ ލިބިގެންނެވެ.

 

2 ވަނަ މާއްދާ

ގޯއްޗެއް ނުވަތަ ބިމެއްގެ އެއްވެސް އިމެއްގައި ފާރު ރާނަންވާނީ މާލޭ މުނިސިޕަލްޓީން ރޭނުމުގެ ހުއްދަ ލިބިގެންނެވެ.

 

3 ވަނަ މާއްދާ

އިންވަކިކުރުމުގެ ގޮތުން މާލޭ މުނިސިޕަލްޓީން ފާހަގަޖަހާފައިނުވާ ގޯއްޗެއްގެ ނުވަތަ ބިމެއްގެ އިމާ ކައިރީގައި އިމާރާތެއް ތަނެއް ހަދައިގެން ނުވާނެއެވެ.

 

4 ވަނަ މާއްދާ

ގޯތީގެ ނުވަތަ ބިމުގެ މަގާގުޅޭ އިމުގައި ހުންނަ ދޮރާށީގެ ދޮރުފަތާއި އިމާރާތުގެ ދޮރުފަތް 12 ފޫޓައްވުރެ ތިރިން އިމުގެ ބޭރަށް މަގަށް ހުޅުވޭގޮތަށް ހުރެގެން ނުވަނެއެވެ.

 

5 ވަނަ މާއްދާ

(ހ) އިމާރާތެއްގެ ފުރާޅާއި، ކޮންކްރީޓްގަލާއި، އިމާރާތުގެ އެއްވެސް ތަނެއް މަގަށް ނެރެވޭނީ، މަގުގެ ފުޅާމިނަށް ބަލައި، މިނިސްޓްރީ އޮފް ހޯމްއެފެއާޒް، ހައުސިންގ އެންޑް އެންވަޔަރުމަންޓުން އެކަމަށް ހަދާފައިވާ ގަވާއިދުގައިވާ ގޮތުގެމަތިންނެވެ.

(ށ) މިމާއްދާގެ (ހ) ގައި ބުނެފައިވާ ގަވާއިދުގެ ދަށުން ހުއްދަދޭ ހާލަތްތަކުގައި، އިމާރާތެއްގެ ފުރާޅާއި، ކޮންކްރީޓްގަލާއި، އިމާރާތުގެ އެއްވެސް ތަނެއް މަގަށް ނެރެން ހުއްދަ ކުރެވޭނީ، މަގުގެ ފުޅާމިނަށާއި، އެ ގަވާއިދުގައިވާ ކަންތައްތަކަށް ބެލުމަށްފަހު، ތިރީގައި ބުނެފައިމިވާ ގޮތުގެ މަތިންނެވެ.

  1.  ބިމުން ފެށިގެން މައްޗަށް 20 ފޫޓާ ހަމައަށް، އިމުން ފެށިގެން، އެންމެ ފުޅާވެގެން 2/1،1 ފޫޓަށްވުރެ ބޭރަށް މަގަށް، ނުނުކުންނަވަރަށް.
  2.  ބިމުން ފެށިގެން 20 ފޫޅަށްވުރެ މަތިން، އިމުން ފެށިގެން، އެންމެ ފުޅާވެގެން 4 ފޫޓަށްވުރެ ބޭރަށް މަގަށް، ނުނުކުންނަވަރަށް.

(ނ) 6 ފޫޓައްވުރެ ފޫޅާނޫން މަގުމަގުގައި ހުންނަ އިމާރާތުގެ ފުރާޅާއި، ކޮންކްރީޓްގަލާއި، އިމާރާތުގެ އެއްވެސް ތަނެއް މަގަށް ނެރުން ހުއްދައެއް ނުކުރެވޭނެއެވެ.

 

6 ވަނަ މާއްދާ

ދެމަގަކާ އިންވެގެން ގުޅިފައި ހުންނަ ގޯތީގެ ނުވަތަ ބިމުގެ ދެ މަގާގުޅޭ ކަން، މާލޭ މުނިސިޕަލްޓީން ހަމަޖައްސާ ގޮތެއްގެ މަތިން ވަށްކޮށް އިމުގައި ފާރުރާނާފައި ނުވާނަމަ، އެކަނެއްގައި އިމާރާތްކުރަންވާނީ، މާލޭ މުނިސިޕަލްޓީން ހުއްދަލިބިގެން ހުއްދަދިން ހިސާބެއްގައެވެ.

 

7 ވަނަ މާއްދާ

ދެމަގަކާ އިންވެގެން ގުޅިފައި ހުންނަ ގޯތީގެ ނުވަތަ ބިމުގެ ދެމަގާ ގުޅޭ ކަން، މިހާތަނަށް ވަށްނުކޮށް ހުރިނަމަ، 1988 ވަނަ އަހަރުގެ ޑިސެމްބަރު މަސް ހުސްވުމުގެ ކުރިން، މާލޭ މުނިސިޕަލްޓީން ހަމަޖައްސާ ގޮތެއްގެ މަތިން ކަން ވަށްކުރަން ވާނެއެވެ.

 

8 ވަނަ މާއްދާ

މިގާނޫނުގެ 5 ވަނަ މާއްދާގައިވާ ފަދައިން، ކޮންކްރީޓް ގައު، ތަޅުންގަނޑުފަދަ ތަންތަން އެމާއްދާގައި ބުނެފައިވާ މިންވަރަށް ބޭރަށް ނެރެފައި ބެހެއްޓި ނަމަވެސް، އެފަދަ ތަނެއް މަގުހެދުންފަދަ އާންމު ބޭނުމަކަށްޓަކައި ސަރުކާރުން ނަގަން ޖެހިއްޖެ ހާލެއްގައި ށަރްއީ ބަދަލު ދިނުމަށްފަހު ނެގުމުގެ އިހްތިޔާރު ސަރުކާރަށް ލިބިގެންވެއެވެ.

 

މި ގަވާޢިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

5 ވަނަ އިސްލާހު

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު