-

ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތު (ޗެޕްޓަރ 1)

(ގާނޫނު ނަންބަރު 1981-01) 

(މި ގާނޫނު ވަނީ ގާނޫނު ނަންބަރު 2014-09 ގެ 18 ވަނަ މާއްދާއިން އުވާލެވިފައި)  

(ޕީނަލް ކޯޑު)  

ފެށުމުގެ ރަސްމީ އިބާރާތް

ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ ބާރުހިނގާ ސަރަހައްދުގެ ތެރޭގައި، އާންމު މަސްލަހަތާއި އަމަނާއި، އަދްލު އިންސާފް ގާއިމްކޮށް ދެމެހެއްޓުމަށްޓަކައި، ގާނޫނުލްއުގޫބާތެއް އޮތުމަކީ، ކޮންމެހެން ބޭނުން ކަމެއް ކަމުގައި، ދިވެހި ދައުލަތަށާއި، ރައްޔިތުންގެ މަޖިލީހަށް ފެނުނު ހިނދު ތިރީގައިމިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުން 28 މުހައްރަމް 1381 ހ. މިދުވަހު ފާސްކޮށް އަދި މީގެ މައްޗަށްް ދައުލަތުން އަމަލުކުރެއްވުމަށާއި، ގާނޫނުގެ ބާރުހިނގާހުރިހާ ސަރަހައްދެއްގައި، 5 ސަފަރު 1381 ހ. މިދުވަހުން ފެށިގެން ހިންގުމަށް ކަނޑައަޅައިފީމެވެ.  

 

ޗެޕްޓަރ 1

އާންމު ތަފްސީލް

1 ވަނަ މާއްދާ - ނަން

މިގާނޫނަށް ކިޔާނީ " ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު" އެވެ. އަދި މިގާނޫނުގެ ބާރު، ދިވެހި ދައުލަތާއި، ގާނޫނު އަސާސީގެ ބާރުހިނގާ ހުރިހާ ސަރަހައްދެއްގައި އެތާނގައިވާ ފުރާނައެޅުއްވި ކޮންމެ އެއްޗަކާއި، ގަސްގަހާގެއްސާއި، ބިމާއި، ކަނޑުގެ މައްޗަށާ އަދި މިނޫންވެސް ހުރިހައި ތަކެއްޗެއްގެ މައްޗަށް ހިނގާނެއެވެ.

 

2 ވަނަ މާއްދާ - ގާނޫނު ހިންގުން

މިގާނޫނުގެ ބާރުގެ މަތިން އަދަބުދިނުމުގައި އިސްލާމްދީނުގެ ށަރީއަތް އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދެއްގައި، ނުވަތަ އެހެން ގާނޫނެއްގައި ވަކިގޮތަކަށް ކަނޑަނާޅާހާ ހިނދެއްގައި މިގާނޫނުގެ އަދަބުތައް އެއްވަނަ މާއްދާގައި ބުނެވިފައިވާ ސަރަހައްދުގެ ތެރޭގައި ދޭންވާނެއެވެ.

 

3 ވަނަ މާއްދާ - ރާއްޖެއިން ބޭރުގައި ކުށްކުރުން

ދިވެހިގާނޫނު ހިނގާ ކޮންމެ މީހަކު ގާނޫނަކާ ހިލާފްވާއިރު ހުރީ ދިވެހިރާއްޖެއިން ބޭރުގައި ކަމަށްވިޔަސް ނުވަތަ އެއްވަނަ މާއްދާގައި ބުނެފައިވާ ސަރަހައްދުން ބޭރުގައި ކަމަށްވިޔަސް މިގާނޫނުގައިބުނާ ގޮތުގެމަތިން އޭނާއަށް އަދަބު ލިބޭނީ ދިވެހި ރާއްޖޭގައިހުރެ އެކުށް ކުޅައުމެކޭ އެއްފަދައިންނެވެ. އަދި އޭނާގެ ށަރީއަތް ހިންގާނީ ދިވެހިރާއްޖޭގައެވެ.

 

4 ވަނަ މާއްދާ - ގާނޫނުން އިސްތިސްނާވާ މީހުން

މިގާނޫނުން އިސްތިސްނާވާނީ ކުރެވޭ ހާރިޖީ މުއާހަދާއެއްގައި ހާއްސަ އިމްތިޔާޒެއް ދިނުމަށް ދައުލަތުން އެއްބަސްވެ ވަޑައިގަންނަވާ ބަޔަކާއި، ދައުލަތުގެ ހާރިޖީ މެހްމާނުންނާއި ބޭރު ދައުލަތް ދައުލަތުގެ ދިވެހިރާއްޖޭގައި ތިބޭ ސަފީރުންނެވެ. އަދި ބޭރުގެ އެކިއެކި ފަރާތްތައް، ދައުލަތުގެ ކުރިމަތީގައި ތަމްސީލުކުރާ ވަކީލުންގެ ތެރެއިން، ދައުލަތަށް ފެނުނު ބައެކެވެ.

 

5 ވަނަ މާއްދާ – މިގާނޫނުގެ ކުށެއްކުރާ ބިދޭސީއަކު

ދިވެހިރާއްޖެއިން ބޭރުގައި ކުށެއްކުރުމަށްފަހު، ދިވެހިރާއްޖެއަށް އައިސްފައިވާ ބިދޭސީއަކު އެމީހެއްގެ ރަށުގެ ސަރުކާރުން އޭނާ ގެންދަން އެދިފައި ނުވާނަމަ އެކުށުގެ ތުހުމަތުގައި އޭނާ ބަންދުކުރުން، ރާއްޖެއިން ފޮނުވާލުން، ނުވަތަ ދިވެހިރާއްޖޭގެ މުޅި ރައްޔިތް ނުވަތަ ރައްޔިތުންގެ ބައެއްގެ މަސްލަހަތައްޓަކައި އޭނާ ރާއްޖެއިން ބޭރަށް ފޮނުވާލުމަށް އެޅެން އޮތް ކޮންމެ ބާރެއް އެޅުމަކީ، ދިވެހި ދައުލަތައް ކުރެވިދާނޭ ކަމެކެވެ.

 

6 ވަނަ މާއްދާ – އުމުރުން 10 އަހަރުނުވާ ކުށްވެރިޔާ

މިގާނޫނުގައިވާ ގޮތުގެ މަތިން، ކުށްވެރިވެއްޖެ، އުމުރުން 10 އަހަރުން ދަށުގެ މީހަކަށް މިގާނޫނުގެ ފުރިހަމަ އަދަބުދީގެން ނުވާނެއެވެ. އަދި އެކުށަކީ، ވެވުނުވަރަކުން ކުށެއް ކަމުގައި ނުބެލުން ހައްގުކަންބޮޑެވެ.

 

7 ވަނަ މާއްދާ – އުމުރުން 16 އަހަރުނުވާ ކުށްވެރިޔާ

މިގާނޫނުގައިވާ ގޮތުގެ މަތިން، ކުށްވެރިވާ އުމުރުން ސޯޅައަހަރުގެ ދަށުގެ މީހެއްނަމަ، އިސްލާމްދީނީ ކުށާ އަދި މަރުގެ ކުށް ފިޔަވައި، އެހެން ކޮންމެ ޒާތެއްގެ ކުށެއްގައި ނަމަވެސް، އަދަބަށް ލުޔެއް ދިނުމުގެ އިހްތިޔާރު ގާޒީއަކަށް ލިބިގެންވެއެވެ.

 

8- ވަނަ މާއްދާ

މިގާނޫނުގައި "ލިޔުމެއް" ގެ މާނައަށް ހިމަނަނީ، އެއްވެސް އެއްޗެއްގައި، ފާހަގަޔަކުން އަކުރަކުން ނުވަތަ ހިސާބުގެ އަދަދަކުން އެއްޗެއް ފާޅުކޮށް އަންގައި ނުވަތަ އޮޅުންފިލުވައި ދީފައި، އޮތުމާއިއެކު، އެއެއްޗެއްގެ ހެއްކެއް ނުވަތަ ސާބިތެއްގެ ގޮތުން ބޭނުންކުރުމަށް ގަސްދު ކޮށްފައިވާ ނުވަތަ ބޭނުން ކުރެވިދާނޭ އެއްޗެކެވެ.

 

"ލިޔުން"

ނޯޓް: މިފާހަގަ، އަކުރު ނުވަތަ އަދަދުތައް ލިޔެފައިހުރި ގޮތް  ނުވަތަ ލިޔެފައިވާ އެއްޗެއް އެއީ މައްސަލައަށް ވަކި ތަފާތުކަމެއް ގެންނަކަމެއްނޫނެވެ. އަދި އެއްޗެއްގެ ސާބިތަކަށް ބޭނުންކުރުމަށް ގަސްދު ނުކުރިޔަސް އެފަދަ ގަސްދެއް ކުރެވިދާނެ ކަމަށްވާ އެއްޗެހިވެސް މިމާއްދާގެ މާނައިގެ ދަށުގައި ހިމެނެއެވެ.

 

9 ވަނަ މާއްދާ – ގިނައަމަލުން ފުރިހަމަ ކުރާކުށް

ކުށެއްކުރުމުގެ ގަސްދުގައި ނުވަތަ ކުރަން އުޅުމުގެ ތެރޭގައި، އަމަލަކުން ނުވަތަ އެއަށްވުރެގިނަ އަމަލުން ވިޔަސް އެކުށް ފުރިހަމަ ކުރިކަމުގައިވާނަމަ، ނުވަތަ ފުރިހަމަކުރަން އުޅުނުނަމަ، އެހުރިހާ ކަމެއް ހިމެނޭނީ، އެއްކުށެއް ކަމުގައެވެ.

 

10 ވަނަ މާއްދާ – އަނިޔާދޭން ނުވަތަ ލިބިދާނެފަދަ ކުށެއްގިނަބަޔަކު ކުރުން

މީހަކަށް އަނިޔާއެއް ދިނުމުގައި ގަސްދުގައި، ނުވަތަ އަނިޔާއެއް ލިބިދާނެކަން ގަބޫލުކުރެވޭފަދަ ކުށެއްގައި، އެކުށުގެ އަމަލު ފުރިހަމަކުރުމަށް އެކަކަށްވުރެ ގިނަބަޔަކު ބައިވެރިވެއްޖެނަމަ، އޭގެތެރެއިން ކޮންމެ މީހަކުމެ ކުށްވެރިވާނެއެވެ.

 

11 ވަނަ މާއްދާ – ގިނަބަޔަކުއެތައް އަމަލުތަކަކުން ކުރާކުށް

އެތައް އަމަލުތަކަކުން، ކުށެއްކުރާއިރު، އޭގެތެރެއިން އަމަލެއް ނުވަތަ އަމަލެއްގެ ބައެއް ގަސްދުގައިކުރާ މީހަކީ، ނުވަތަ ބަޔަކީ، އެކުށްކުރި މީހުންނެވެ. ނަމަވެސް އެތައްބަޔަކު، ބެހިފައިވާނަމަ، ކުށަށް ކަނޑައަޅާފައިވާ އަދަބުގެ ތެރެއިން އެކިމީހުން ބެހުނު މިންވަރުން އަދަބު ދިނުން ތަފާތުކުރުމުގެ އިހްތިޔާރު ގާޒީއަކަށް ލިބިގެންވެއެވެ.

 

12 ވަނަ މާއްދާ – "ކުށެއްގައި ބައިވެރިވުން"

"ކުށެއްގައި "ބައިވެރިވުން" އެއީ:-

ހ. އެއްވެސް މާނައެއްގައި ކުށެއްކުރުމަށް ނަސޭހަތްތެރިވުން، ފާޑު ކިޔައިދިނުން ނުވަތަ މިއިން ކަމަކަށް ސީދާ ނުވަތަ ނުސީދާ ގޮތަކަށް އިށާރާތް ކުރުމާއި،

ށ. އެކުށަކާމެދު، މީހަކާ ސައްލާކޮށް ކުށެއްގައި ބައިވެރި ވުމަށްޓަކައި އެއްވެސް އަމަލެއް ކުރުމާއި،

ނ. އެކުށެއް ކުރުމަށްޓަކައި، އެއްވެސް މާނައެއްގައި އެހީވެ ދިނުމެވެ.

 

13 ވަނަ މާއްދާ - "ކުށެއްކުރަން އެހީވުން"

ކުށެއްކުރުމާއި "އެހީވެގެން" މީހަކު ކުށްވެރިވާނީ، އެކުށެއް ރޭވުމުގައި ބައިވެރިވުމުން، ނުވަތަ ރޭވުމުގެ މައްލޫމާތު ލިބިހުރެ އެކުށް ކުޅައުމަށް ފަސޭހަވާފަދަ އެއްވެސް އަމަލެއް ކުރުމުން ނުވަތަ ކޮށްދިނުމުންނެވެ.

 

14 ވަނަ މާއްދާ – އެހީވާ ނުވަތަ ބައިވެރިވާމީހެއްގެ ހާޒިރުގައި ކުށް ކުރާއިރު

ބާރައާއި، ތޭރަވަނަ މާއްދާގައި ބުނެފައިވާފަދަ، ކުށްވެރިޔަކުގެ ހާޒިރުގައި، އެކުށްކޮށްފިނަމަ، އޭނާ އެކުށްކުރުމުގެ ނުވަތަ ކުރުމަށްފަހު ސަލާމަތްވުމަށް ފަސޭހަވާފަދަ އެއްވެސް އަމަލެއް، ނުކުރާނަމަ އޭނާ ބާރަވަނަ އާއި ތޭރަވަނަ މާއްދާގެ ދަށުން އެދެގޮތަށް ކުށްވެރިވާނެއެވެ.

    އަދި ކުށްކުރިއިރު އޭނާ ހާޒިރުގައި ހުރެ އެކުށް ކުރުމުގެ އަމަލެއްގައި ބައިވެރިވެ ނުވަތަ ކުށްކުރި ބަޔަކު ސަލާމަތްވުމަށް އެވަގުތު ފަސޭހަވާފަދަ އެއްވެސް އަމަލެއް ކުރިނަމަ އޭނާ އެކުށް ކުރީ ކަމުގައި ވާނެއެވެ.

 

15- ވަނަ މާއްދާ

އިސްލާމީ ށަރީއަތުގައި ކަނޑައެޅިގެންހުރި ހައްދުތައް ފިޔަވައި މިގާނޫނުގައި ބަޔާން ވެގެންވާ ކޮންމެ ކުށަކަށް ދޭންވާނީ މިގާނޫނު އެކުށަކަށް ކަނޑައަޅާ އަދަބެވެ.

 

16- ވަނަ މާއްދާ

މިގާނޫނުގެ ދަށުން ދެވޭ އަދަބުގެ ބައިކުޅަބަޔަށް ބަލާއިރު، އުމުރުދުވަހަށް ޖަލަށްލުން، ނުވަތަ އުމުރަށް އަރުވާލުމަކީ ފަންސަވީސް އަހަރުކަމަށް ހިމެނޭނެއެވެ. އަދި މިގާނޫނުގެ ދަށުން އެއްކުށަކަށް ދެވޭ އެއްވެސް އަދަބެއް ފަންސަވީސް އަހަރަށްވުރެ ގިނަވެގެން ނުވާނެއެވެ.

 

(ގާނޫނުނަންބަރު 18/1976 އިން 17 ވަނަ މާއްދާވަނީ އުވިފައެވެ.)

 

18- ވަނަ މާއްދާ 

މިގާނޫނު ކަނޑައަޅާ އަދަބުތަކުގެ ތެރެއިން "ބުރަ މަސައްކަތާއެކު ޖަލަށް" ލާންޖެހިއްޖެމީހެއްގެ މުއްދަތުގެ ވަކި ބައެއް "ވަކިން ހައްޔަރު ކުރުމަށް" ގާޒީއަކަށް ނިޔާ ކަނޑައެޅިދާނެއެވެ. މިބުނި ނިސްބަތަކީ:-

(ހ) ބުރަމަސައްކަތާ އެކު ޖަލަށްލާ މުއްދަތަކީ، 3 މަސްދުވަސްނަމަ، ވަކީން ހައްޔަރުކުރާނީ 1 މަސް ދުވަހުއެވެ.

(ށ) ބުރަމަސައްކަތާ އެކު ޖަލަށްލުމުގެ މުއްދަތަކީ، ތިންމަސްދުވަހާއި އެއްއަހަރާ ދެމެދުނަމަ، ވަކީން ހައްޔަރު ކުރާނީ ދެމަސްދުވަހުއެވެ.

(ނ) ބުރަމަސައްކަތާ އެކު ޖަލަށްުމުގެާ މުއްދަތަކީ، އެއްއަހަރާއި ދެއަހަރާ ދެމެދުނަމަ، ވަކީން ހައްޔަރު ކުރާނީ ތިންމަސްދުވަހުއެވެ.

 

19- ވަނަ މާއްދާ 

18 ވަނަ މާއްދާގެ ހ، ށ، ނ. ގައި ކަނޑައަޅާފައިއެވާ ވަކީން ހައްޔަރު ކުރުމުގެ މުއްދަތުތަކަކީ އެގޮތަށް ހައްޔަރު ކުރެވޭނެ އެންމެ ދިގުމުއްދަތުތަކެވެ.

 

20- ވަނަ މާއްދާ 

އެކަމެއްކުރުން ގާނޫނު ލާޒިމުކުރާ ކަމެއް ގާނޫނުގައި ކުށެއްނެތި އަދި އެމީހާގެ ހުދު އަމަލުގައި ކުށެއްނެތި ކުރުމުގެ ނަތީޖާއަކީ، ކުށެއްނޫނެވެ.

 

21- ވަނަ މާއްދާ 

ހާއްސަ ހާލަތްތަކެއް މެދުވެރިވެއްޖެ ހިނދަކު، މިގާނޫނާ ހިލާފު އަދަބުތަކެއް ވަގުތީގޮތުން ހިންގުމަށް ފާސް ކުރުމަކީ، ރައްޔިތުންގެ މަޖިލީހަށް ހުއްދަ ކަމެކެވެ. ވަގުތީގޮތުން ކަމުގައި ބެލޭނީ، މެދުކެނޑުމެއްނެތި އެއްއަހަރުދުވަހުއެވެ. މިމުއްދަތުގެ ފަހަށް މިމާއްދާގައިވާ ގޮތުގެ މަތިން އަލުން އެ ގާނޫނެއް އާކުރެވިދާނެއެވެ.

 

(ގާނޫނުނަންބަރު 30/1971ޖ. އިން 22ވަނަ މާއްދާވަނީ އުވާލެވިފައެވެ.)

 

23- ވަނަ މާއްދާ  

ނުބައި ނިޔަތެއްނެތި ގާނޫނާ އެއްގޮތްވާ ގޮތަށް އެކަށީގެންވާ ފަރުވާތެރިކަމާއި ރައްކާތެރިކަމާއެކު ކުރާ ކަމަކުން ދިމާވާ ނުވަތަ މެދުވެރިވާ ދެރައަކީ، ނުވަތަ ބަދުނަސީބަކީ، އެއަމަލެއް ކުރި ފަރާތުގެ ކުށެއް ނޫނެވެ.

 

24- ވަނަ މާއްދާ 

މީހަކު އަމަލެއް ކުރާއިރު އެކުރެވެނީ ހެއުކަމެއްކަން އަދި ނުވަތަ ގާނޫނާ ހިލާފު ކަމެއްކަން ވިޔަސް ނުވިސްނޭފަދަ ހާލެއްގައި ހުރެ ކުރާ އަމަލަކީ ކުށެއްނޫނެވެ. ނަމަވެސް، މިފަދަ އަސަރެއް އޭނާގެ ވިސްނުމަށް މެދުވެރިވީ އޭނާގެ އަމިއްލަ އިހްތިޔާރުގައި ނުވަތަ ރުހުމާއެކު ނުވަތަ އެފަދަ ހާލަކަށް އޭނާގެ ވިސްނުން ބަދަލުވާނޭކަން އެނގިހުރެ ނުވަތަ ބަދަލުވެދާފަދަަ ކަމެއް ކޮށްގެން ކަމުގައި ވާނަމަ، މިމާއްދާ މިފަދަ ހާލަކަށް ނުހިމަނައެވެ.

 

25- ވަނަ މާއްދާ 

އަނެކެއްގެ މަރުވުން ފިޔަވައި ތިމާގެ "އަމިއްލަ ނަފްސު" ދިފާއު ކުރުމަށްޓަކައި، ކުއްލިއަކަށް ކުރާކަމަކީ ކުށެއް ނޫނެވެ.

ނޯޓް:- "އަމިއްލަ ނަފްސު" ގެ މާނައަކީ، ތިމާގެ އަމިއްލަ ޖާނާއި މައިންބަފައިންނާއި، އަނބިދަރީންނާ އަދި ދީނިގޮތުން ތިމާއަށް ބަލަދުއަރާ މީހުންނާއި ގާތްތިމާގެ މީހުންނެވެ.

 

26- ވަނަ މާއްދާ 

މިގާނޫނު ހުއްދަކުރާ އަދަބުތަކުގެ ތެރެއިން މެރުން، އުމުރަށް އަރުވާލުން، އުމުރަށް ޖަލަށްލުން، މިއިން ކަމެއް ހުއްދަކުރާ ކުށެއް ކުރުމަށް އެހީވެދީފި މީހެއްގެ އަދަބަކީ، ކުށުގެ ބާވަތުން ފަސްއަހަރާއި ބާރައަހަރާއި ދެމެދުގެ ޖަލަށްލުމެވެ. ނުވަތަ އަރުވާލުމެވެ. ނުވަތަ ތިންހާހާއި ދިހަހާހާ ދެމެދުގެ ޖޫރިމަނާއެއް، ރުފިޔާއިން ކުރުމެވެ.

  ނަމަވެސް މިވީ އެހީގެ ސީދާ ނަތީޖާއެއްގެ ގޮތުން މީހަކަށް ނުރައްކާތެރި ހާނީއްކައެއް ލިބުނުނަމަ ކުރީގައި މިބުނެވުނެ ޖަލަށްލުމުގެ މުއްދަތު އަށާރަ އަހަރަށް ދިގު ކުރެވިދާނެއެވެ. ނުވަތަ ޖޫރިމަނާ ފަނަރަހާހާ ހަމައަށް އިތުރު ކުރެވިދާނެއެވެ.

 

27- ވަނަ މާއްދާ 

މިގާނޫނު ހުއްދަކުރާ އަދަބުތަކުގެ ތެރެއިން، މެރުން، އުމުރަށް ޖަލަށްލުން، އުމުރަށް އަރުވާލުން، ބުރަ މަސައްކަތާއެކު ހަތަރު އަހަރަށްވުރެ މަދުނޫން މުއްދަތަކަށް ޖަލަށްލުން މިއިން އަދަބެއް ކަނޑައަޅާވަރުގެ ކުށެއް ކުރުމަށް ރާވާފައި އެއްވެސް އަމަލެއް ނުކޮށް އޮތްކަމުގައި ވާނަމަ، ކުށްވެރި ކުރެވޭނީ އެކުށް ކުރުމަށް އެހީވުމުގެ ގޮތުގައެވެ.

 

28- ވަނަ މާއްދާ 

މިގާނޫނުގައި:-

(ހ) "ދައުލަތް" ގެ މާނައަކީ، ގާނޫނުއަސާސީއާ އެއްގޮތްވާގޮތުގެ މަތިން އުފެދި ހަމަޖެހިފައިވާ ކެބިނެޓާއި، ރައްޔިތުންގެ މަޖިލީހާ އަދި މިބައިބައި ގާނޫނީގޮތުން ހިންގުމަށް އުފައްދާ ނުވަތަ އުފެދިފައިވާ ފަރާތްތައް ޖުމްލަކޮށެވެ.އަދި މިމާނައިގެ ތެރޭގައި ދައުލަތުގެ އެންމެހައި މިލްކުތައް ހިމެނެއެވެ.

(ށ) "ސަރުކާރު" ގެ މާނައަކީ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާ އެއްގޮތަށް ދިވެހިރާއްޖެ ހިންގުމުގެ ބާރުތައް ލިބިފައިވާ ފަރާތެވެ.

(ނ) "ރައީސުލްޖުމްހޫރިއްޔާ" ގެ މާނައަކީ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީ ހުއްދަކުރާ ގޮތުގެމަތިން ރާއްޖޭގެ އެންމެމަތީ ވެރިކަމަށް އިންތިހާބު ކުރެވިފައިވާ މީހެކެވެ. އަދި މިގާނޫނަށް އަމަލު ކުރުމުގައި އެމީހެއްގެ އަނބިދަރީންނާއި މުދާ ހިމަނައެވެ.

(ރ) "އޭނާ" "މީހަކު" މިފަދައިން ލިޔެފައިވާއިރު، އޭގެ މާނައިގެ ތެރޭގައި އަންހެން، ފިރިހެން، ކުދި، ބޮޑު، އިންސާނުން ހިމެނެއެވެ. އަދި މުފްރަދު މާނަ ދޭހަވާގޮތަށް އިބާރާތް ކޮށްފައިވާ ނަމަވެސް ޖަމްއު މާނަވެސް ހިމެނެއެވެ. އަދި މީގެ އަނެއްކޮޅަށާ ކްލަބް، ކުންފުނި، ޖަމްއިއްޔާ ފަދަ ޖަމާއަތްތައްވެސް ހިމެނެއެވެ.

(ބ) "ގާޒީ" ގެމާނައަކީ، ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން އަދްލުއިންސާފު ގާއިމް ކުރުމުގައި ކޮންމެ ކުށަކަށް އޭގެ އުގޫބާތް ކަނޑައެޅުމުގައި ނުވަތަ އިއްވުމުގައި އިސްވެހުންނަ މީހެކެވެ.

(ޅ) "އުފުލޭ މުދާ" މާނައަކީ، ބިމާ ގުޅިފައި ނުވަތަ ބިމަށް ހަރުކުރެވިފައިވާ ތަކެތި ފިޔަވައި، އެނޫން ހުރިހާ ބާވަތެއްގެ މުދަލެކެވެ.

(ކ) "އަނިޔާ" އަކީ މީހެއްގެ ހަށިގަނޑަށް، ހިތަށް، އަބުރަށް، ނަމަށް، ނުވަތަ މުދަލަށް ގާނޫނާ ހިލާފު ގޮތަކުން ލިބޭ ގެއްލުމެވެ.

(އ) "ލޯކަލް ގާނޫނު" އަކީ، އެއަތޮޅަކަށް، އެރަށަކަށް، ނުވަތަ އެހިސާބަކަށް ކަނޑައަޅާފައިވާ ގާނޫނެކެވެ.

(ވ) "ފުރާނަ" ދޭހަކޮށްދެނީ، (އެހެން ގޮތަކަށް ނުބުނާނަމަ) ﷲ ފުރާނައެޅުއްވި، އެއްޗެއްސަށް ލިބިފައިވާ ދިރިހުރުމުގެ ބާރެވެ.

(މ) "ޖަނަވާރު" ދޭހަކޮށްދެނީ، ފުރާނައަޅުއްވާއިފައިވާ ތަކެތީގެ ތެރެއިން އާދަމުގެ ދަރިންނޫން އެއްޗެއްސެވެ.

(ފ) "ފުރާދުއްވާއެތި" ދޭހަކޮށްދެނީ، ކަނޑާއި، އެއްގަމާއި، ވައިގައި ނުވަތަ މިއިން ތަނެއްގައި އާދަމުގެ ދަރިން ނުވަތަ މުދާ، ނުވަތަ މިދެބައި އެއްތަނުން އަނެއްތަނަށް އޭގެ އަމިއްލަ ޒާތުގެ ގެންދާ، ނުވަތަ ގެންދެވޭ، ކޮންމެ އެއްޗެކެވެ.

(ދ) "ބާތިލު އެހީ" ނުވަތަ "ނޭދެވޭ އެހީ" ދޭހަކޮށްދެނީ ކުށްވެރިޔަކަށް ނުވަތަ ކުށުގެ ތުހުމަތުގައި ގާނޫނީ ގޮތުން ބެލޭ މީހަކު ހައްޔަރު ވުމަށް ހުރަހެއް އެޅޭ ނުވަތަ ލަހެއް ކުރެވޭ ކޮންމެ އެހީއެކެވެ. މީގެތެރޭގައި ހިޔާވަހިކަން، ކެއުން، ބުއިން، ފައިސާ، ހަތިޔާރު އަދި ނުވަތަ އެއްތަނުން އަނެއްތަނަށް ދިއުމަށް އޭނާއަށް، އެއްވެސް މާނައެއްގައި، ފަސޭހައެއް ކޮށްދިނުން ހިމެނެއެވެ.

(ތ) "ކައުންޓަރފީޓް" ކުރުމަކީ ހިޔާނާތްތެރި ނުވަތަ ހީލަތްތެރި އަމަލު ކުރުމަށް ނުވަތަ އެފަދަ އަމަލު ކުރެވުމަކީ އެކަށީގެންވާފަދަ ކަމެއްކަން ދެނެހުރެ އެއްޗަކާ އެއްވައްތަރަށް އެހެން އެއްޗެއް އުފެއްދުން ނުވަތަ އުފެއްދުމުގެ ބައިވެރިއެއް ކަމަށްވުމުގެ އަމަލު ކުރުމެވެ.

ނޯޓް: ކައުންޓަރފީޓް ކުރުމުގައި ހަމަ ބަރާބަރަށް ވައްތަރުވުން ލާޒިމެއްނޫނެވެ. އަދި ކައުންޓަރފީޓް ކުރާ އެއްޗެއް އޭގެ އަސްލު އެއްޗާ ވައްތަރުކަން ބޮޑުވުމުގެ ސަބަބުން އޮޅުވާލެވިދާނޭކަމަށް ވާހިނދު އޭގެ އިދިކޮޅަށް ސާބިތުނުވާހާ ހިނދަކުބެލޭނީ، އޭނާ އެ އަމަލު ކުޅައީ ހީލަތް ހެދުމަށް ކަމަށް ނުވަތަ އެފަދަ އަމަލު ކުރެވެމުން ދިއުމަކީ، އެކަށީގެންވާ ކަމެއްކަން ދެނެހުރެ ކުރި އަމަލެއް ކަމުގައެވެ.

(ލ) "ކުށް" ދޭހަކޮށްދެނީ އެކަމެއް ކުރުމުން ނުވަތަ ނުކުރުމުން، ގާނޫނު އަދަބެއް ކަނޑައަޅާ ކޮންމެ ކަމެކެވެ.

(ގ) "ޖަލު" ގެ މާނައަކީ، ގާނޫނީ ނުވަތަ ށަރްއީ ކުށްކުށަށް ދޭ އަދަބެއްގެ ގޮތުން ކުށްވެރިން ބަންދު ކުރުމަށްވާ ތަނެކެވެ.

(ޏ) "ޖަލަށްލުން" ދޭހަކޮށްދެނީ، ގާނޫނީ ނުވަތަ ށަރްއީގޮތުން ކުށަކަށްދޭ އަދަބެއްގައި ކަނޑައެޅޭ މުއްދަތަކަށް އަމިއްލަ މިނިވަންކަން ނެތްގޮތެއްގައި، ޖަލުގައި ބަންދު ކުރުމެވެ.

(ސ) "ބުރަ މަސައްކަތާއެކު ޖަލަށްލުން" ދޭހަކޮށްދެނީ ކުށުގެ ނިސްބަތުން ޖަލަށްލުމުގެ އަދަބު ބޮޑުކުރުމަށް ޖަލުގައި ރޭވޭ ހާއްސަ ރޭވުންތަކެއްގެ ދަށުގައި ކުށްވެރިޔާ ބަންދު ކުރުމެވެ.

(ޑ) "ގޭގާއި ބަންދުކުރުން" މާނައަކީ، ދިރިއުޅޭ ހިޔާވައްސެއްގައި އެތަނެއްގެ ސަރަހައްދުން ބޭރަށްދިއުން މަނާގޮތެއްގައި ކުށްވެރިއަކަށްދޭ އަދަބެއްގެ ގޮތުން ބަންދު ކުރުމެވެ.

(ޒ) "އަރުވާލުން" ދޭހަކޮށްދެނީ، ކުށެއްގެ އަދަބަށް ތިމާގެ ވަޒަން ނޫން އެހެން ރަށެއްގައި މީހުން އުޅޭ އެހެން އެއްވެސް ތަނަކަށް ދިއުން މަނާކޮށް އަމިއްލަ މިނިވަންކަން ނެތްގޮތެއްގައި ނުވަތަ އޭގެ ބައެއް ނެތްގޮތުގައި ކަނޑައެޅޭ މުއްދަތަކަށް ބެހެއްޓުމެވެ.

(ޕ) "ޖޫރިމަނާ" ދޭހަ ކޮށްދެނީ ކުށެއްގެ ނިސްބަތުން ވަކި މުއްދަތެއްގެ ތެރޭގައި، އަދަބެއްގެ ގޮތުން، އަތުލެވޭ އެއްޗެކެވެ.

(ޖ) "ނުރައްކާތެރި އަނިޔާ" ދޭހަކޮށްދެނީ މީހެއްގެ ހަށިގަނޑުގެ ގުނަވަނަކަށް ނުވަތަ އެއްވެސް ހިއްސަކަށް މީހެއްގެ އަމިއްލަ މުދަލަކަށް ދާއިމީ އުނިކަމެއް ލިބުމެވެ. ނުވަތަ މީހެއްގެ ދިރިއުޅުމަށް ކުރާ މަސައްކަތަކަށް ދާއިމީ ހުރަހެއް އެޅުމެވެ. މިއިން ކޮންމެ ގޮތެއްގައިވެސް، ށަރްއީ ނުވަތަ ގާނޫނީ ހަމަތަކާ ހިލާފު ވާ ގޮތެއްގައި އެކަންޏެވެ.

(ޗ) "އަދަބު" ދޭހަކޮށްދެނީ، ގާނޫނުގައި ކުށެއް ކަމުގައި ކަނޑައަޅާ ކަމަކަށް ގާނޫނުގައި ދިނުމަށް ކަނޑައަޅާފައިވާ އުގޫބާތެވެ.

 

 

ދިވެހިރާއްޖޭގެ ދައުލަތާ އިދިކޮޅު ހަރަކާތާއި ފިތުނަ

29- ވަނަ މާއްދާ 

ދައުލަތާ އިދިކޮޅު އަމަލެއް ކުރަންއުޅޭ ނުވަތަ އެކަމާ ބައިވެރިވާ ނުވަތަ އެކަމަށް އެހީވެދޭ މީހެއްގެ އުގޫބާތަކީ، އުމުރަށް ޖަލަށްލުން، އުމުރަށް އަރުވާލުން ނުވަތަ ދިހައަހަރާއި ފަނަރަ އަހަރާ ދެމެދުގައި ޖަލަށްލުން ނުވަތަ އަރުވާލުން މިއެވެ.

 

30- ވަނަ މާއްދާ 

ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރުމަށް ނުވަތަ ސަރުކާރު ބަދަލު ކުރުމަށް ގާނޫނާ ހިލާފަށް ހަތިޔާރެއް (އެއެއްޗަކުން މީހެއްގެ ހަށިގަނޑަށް ނުރައްކާތެރި އަނިޔާއެއް ދެވޭފަދަ) ބޭނުން ކުރުމަށް ރާވައިފި މީހެއްގެ އަދަބަކީ އުމުރަށް ޖަލަށްލުން ނުވަތަ އުމުރަށް އަރުވާލުން. އަދި އޭގެތެރޭގައި ބުރަމަސައްކަތް ވަކި މުއްދަތަކަށް ކަނޑައެޅުމުގެ އިހްތިޔާރު ގާޒީއަށް ލިބިގެންވެއެވެ.

 

31- ވަނަ މާއްދާ 

ގާނޫނާ ހިލާފަށް، ރައީސުލްޖުމްހޫރިއްޔާ ނުވަތަ ދައުލަތާ އިދިކޮޅަށް، އަމަލު ކުރުމަށް ހަތިޔާރު (ހަނގުރާމައިގެ) ތައްޔާރުކުރާ މީހެއްގެ އަދަބަކީ، އުމުރަށް އަރުވާލުން ނުވަތަ ފަސް އަހަރަށްވުރެ ދިގުނޫން މުއްދަތެއްގެ ބުރަ މަސައްކަތާއެކު އުމުރުގެ ޖަލަށްލުމެވެ.

 

32- ވަނަ މާއްދާ 

ރައީސުލްޖުމްހޫރިއްޔާ ނުވަތަ ދައުލަތާ އިދިކޮޅަށް ގާނޫނާ ހިލާފަށް އަމަލެއް ކުރުމަށް ރާވާ ރޭވުމެއްގެ މައްލޫމާތު ސިއްރު ކޮށްގެން ހުންނަ މީހެއްގެ އަދަބަކީ، ފަސް އަހަރާއި، ދިހައަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ހަމަ މިމުއްދަތަށް އަރުވާލުމެވެ. ނުވަތަ ފަސް ހާހާއި ދިހަ ހާހާ ދެމެދުގެ އަދަދަކަށް ރުފިޔާއިން ޖޫރިމަނާ ކުރުމެވެ.

 

33- ވަނަ މާއްދާ 

29، 30، 31، 32، ވަނަ މާއްދާތަކުގައި ހުރިހާ ޒާތެއްގެ ބަގާވާތެއް ހިމެނެއެވެ.

 

34- ވަނަ މާއްދާ 

ށަރީއަތް ނުވަތަ ގާނޫނާ ހިލާފު އެއްވެސް ގޮތަކަށް ރައީސުލްޖުމްހޫރިއްޔާގެ ފުރާނަފުޅަށް ގެއްލުމެއް ދިނުމަށް ރާވައިފި މީހެއްގެ އަދަބަކީ، ފަސްއަހަރާއި ބާރަ އަހަރާ ދެމެދުގެ ޖަލަށްލުން ނުވަތަ އަރުވާލުމެވެ. މިކަމުގައި ބައިވެރިވި މީހެއްގެ އަދަބަކީވެސް ހަމަމިއެވެ.

 

35- ވަނަ މާއްދާ 

ށަރީއަތް ނުވަތަ ގާނޫނާ ހިލާފް ގޮތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ފުރާނަފުޅަށް ގެއްލުމެއް ދިނުމުގެ ރޭވުމުގެ މައްލޫމާތެއް ސިއްރު ކުރި ނުވަތަ އެފަދަ ރޭވުމަކާ އެހީވެދީފި މީހެއްގެ އަދަބަކީ، ހަތަރު އަހަރާއި އަށް އަހަރާ ދެމެދުގެ ޖަލަށްލުން، އަރުވާލުން ނުވަތަ ގޭގައި ބަންދުކުރުމެވެ.

 

36- ވަނަ މާއްދާ 

ށަރީއަތް ނުވަތަ ގާނޫނާ ހިލާފް ގޮތަކަށް ރައީސުލްޖުމްހޫރިއްޔާގެ ފުރާނަފުޅަށް ގެއްލުމެއްދީފި މީހެއްގެ އަދަބަކީ މެރުމެވެ.

 

37- ވަނަ މާއްދާ

ދިވެހިރާއްޖެއިން ބޭރުގައި ނުވަތަ ދިވެހިރާއްޖޭގައި މީހަކު، ދިވެހިރާއްޖޭގެ ވެރިކަމަށް، މިނިވަންކަމަށް ނުވަތަ އިސްތިގްލާލަށް އުނިކަމެއް އަތުވެދާފަދަ ނުވަތަ ދިވެހިރާއްޖޭގެ އެއްވެސް ބައެއް (ސަރަހައްދީ ގޮތުން ނުވަތަ މީހުންގެ ގޮތުން ވިޔަސް) ދިވެހި ވެރިކަމުގެ ބާރުން ނެއްޓިދާފަދަ އަމަލެއްކުރި މީހެއްގެ އަދަބަކީ މެރުމެވެ.

           މިކަމުގައި ބައިވެރިވި މީހެއްގެ އަދަބަކީ ވެސް މިއެވެ. ނަމަވެސް މިކަމަށް އެހީވެދިން ނުވަތަ މައްލޫމާތު ސިއްރުކުރި މީހެއްގެ އަދަބަކީ ދިހައަހަރާއި ފަނަރައަހާރައި ދެމެދުގެ ޖަލަށްލުން، ނުވަތަ އަރުވާލުމެވެ.

 

38- ވަނަ މާއްދާ 

ހ. ދިވެއްސަކު ނުވަތަ ދިވެހިރާއްޖޭގެ ސަރަހައްދުގައި ހުރި ބިދޭސީއަކު ދައްކާ ވާހަކައަކުން ނުވަތަ ލިޔާ ލިޔުމަކުން ވިޔަސް ދިވެހިރާއްޖޭގައި ގާނޫނީގޮތުން އުފެދިފައިވާ ސަރުކާރާމެދު ދިވެހީންގެ ބައެއްގެ ތެރޭގައި ދެކޮޅުވެރިކަމެއް ނުވަތަ ފިތުނަވެރިކަމެއް ނުވަތަ ރުޅިވެރިކަމެއް އުފެއްދުމަކީ ކުށެކެވެ. އަދި އެފަދަ ވާހަކަ އަކުން ނުވަތަ ލިޔުމަކުން ދިވެހި ރައްޔިތުންގެ އެއްބައެއްގެ މެދުގައި އަނެއް ބައަކާމެދު ދެކޮޅުވެރިކަމެއް ނުވަތަ ފިތުނަވެރިކަމެއް ނުވަތަ ރުޅިވެރިކަމެއް އުފެއްދުމަކީވެސް ކުށެކެވެ.

ށ. މިމާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާފަދަ ކުށެއްކުރި މީހެއްގެ އަދަބަކީ އެއްއަހަރާއި، ފަސްއަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުމެވެ. މިފަދަ ކުށެއް ކުރުމުގައި ބައިވެރިވި ނުވަތަ މިފަދަ ކުށެއް ކުރުމަށް އެހީވެދީފި މީހެއްގެ އަދަބަކީވެސް މިއެވެ. މިފަދަ ކުށެއްގެ މައްލޫމާތު ސިއްރުކޮށްފި މީހެއްގެ އަދަބަކީ ދެއަހަރަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުމެވެ.

ނ. ސަރުކާރުން ނުވަތަ ސަރުކާރުގެ މުވައްޒަފަކު އޭނާގެ ވަޒީފާ ލާޒިމް ކުރާގޮތުން ކޮށްފައިވާ ނުވަތަ ކުރަމުންދާ ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާމެދު ނުރުހިގެން އެކަން ހާމަކުރުމުގެ ގޮތުން ނުވަތަ އެކަމެއް އިސްލާހު ކުރުމަށްޓަކައި ފާޑުކިއުމުގެ ގޮތުން ހަގީގަތާ އެއްގޮތަށް ދައްކާ ވާހަކައާއި ގާނޫނުގައިވާ ގޮތުގެމަތިން ރަޖިސްޓަރީ ކުރެވިފައިވާ ނޫހެއް ނުވަތަ މަޖައްލާއެއްގައި ހަމަ މިފަދައިން ލިޔާ ލިޔުން މިމާއްދާގައި ބަޔާން ކޮށްފައިވާ ކުށުގެ ތެރެއަކު ނުހިމެނެއެވެ.

ރ. މިމާއްދާގައި ބަޔާން ކޮށްފައިވާފަދަ ދެކޮޅުވެރިކަމެއް ނުވަތަ ފިތުނަވެރިކަމެއް ނުވަތަ ރުޅިވެރިކަމެއް އުފައްދައިފި ކަމަށް ބަލަންވާނީ މިހަކުކުރާ އިސްވެދިޔަ ބާވަތުގެ އަމަލެއްގެ ސަބަބުން ސަރުކާރުގެ އަމުރަކަށް މީހަކު ނުވަތަ ބަޔަކު ނުކިޔަމަންތެރި ވުމުން، ނުވަތަ ނުކިޔަމަންތެރިވާން އުޅުމުން، ނުވަތަ ސަރުކާރުގެ ނުވަތަ މީހެއްގެ ނުވަތަ ބައެއްގެ މުދަލަކަށް، ނުވަތަ އިމާރާތަކަށް މީހަކު ނުވަތަ ބަޔަކު ގެއްލުމެއް ދިނުމުން، ނުވަތަ ގެއްލުމެއް ދޭން އުޅުމުން، ނުވަތަ ސަރުކާރާ ދެކޮޅަށް ބަޔަކު އެއްވުމުން، ނުވަތަ އެއްވާން އުޅުމުން، ނުވަތަ މިއިން ކަމަކަށް އެއްވެސް ސިފައެއްގައި ހިތްވަރުދީ ހެދުމުންނެވެ.

 

39- ވަނަ މާއްދާ 

މިޗެޕްޓަރުގައި ބުނެވުނު އެއްވެސް ކުށްވެރިޔަކު އަދަބުގައި ބަލަހަށްޓަންވީ ފަރާތެއްގެ އިހްމާލުން އެމީހަކު ސަލާމަތްވެއްޖެނަމަ ދެވޭ އަދަބަކީ، ހަތަރު އަހަރާއި އަށްއަހަރާ ދެމެދުގެ ޖަލަށްލުން ނުވަތަ އަރުވާލުމެވެ. މިކަމުގައި ބައިވެރިވެ އެހީވެދީ ނުވަތަ މައްލޫމާތު ސިއްރު ކުރި މީހެއްގެ އަދަބަކީ ހައަހަރަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުމެވެ.

 

40- ވަނަ މާއްދާ

ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާ އެއްގޮތަށް އުފެދިފައިވާ ސަރުކާރެއްގެ ވާޖިބު އަދާކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ ފަތަކުން މަގާމު ލިބިފައިވާ އެއްވެސް ފަރާތެއް އަދާކުރަންޖެހޭ ވާޖިބަކަށް ނުވަތަ ލިބިފައިވާ ބާރުންނާއި އިހްތިޔާރުގެ މައްޗަށް ކުރާ ކަމަކަށް ހުއްޓުމެއް އަރުވަން ނުވަތަ މަނާ ކުރަން އުޅެފިމީހާ (އަނިޔާއެއް، ނުވަތަ ހާނީއްކައެއް ކުރުމުގެގޮތުން ފިޔަވައި) އަށް ލިބޭ އަދަބަކީ ހަމަސްދުވަހާއި އަށްއަހަރު ދުވަހާ ދެމެދުގެ ޖަލަށްލުން ނުވަތަ އަރުވާލުމެވެ. މިފަދަ ކުށް ކުރުމުގައި ބައިވެރިވި މީހަކަށްވެސް ހަމަ މިއަދަބެވެ. ނަމަވެސް އެހީވެދީ ނުވަތަ މައްލޫމާތު ސިއްރުކުރި މީހަކުގެ އަދަބަކީ، އެއްމަސްދުވަހާއި ހައަހަރާ ދެމެދުގެ ޖަލަށްލުމެވެ. ނުވަތަ އަރުވާލުމެވެ.

 

41- ވަނަ މާއްދާ 

ހ. މިގާނޫނުގެ 29، 30، 31، މިއިން މާއްދާއެއްގައި ބުނެވޭ ކުށެއްކުރަން އުޅެފިކަން ސާބިތު ވެއްޖެ މީހެއްގެ (އެހެން ބަޔަކު ބައިވެރި ނުކުރާނަމަ) އަދަބަކީ އަށްއަހަރާއި، ފަނަރަ އަހަރާ ދެމެދުގެ ޖަލަށްލުމެވެ. ނުވަތަ އަރުވާލުމެވެ. ބައަކު ގޮވައިގެން މިއިން ކުށެއްކުރަން އުޅުނުކަން ސާބިތު ވެއްޖެނަމަ އަދަބަކީ ދިހައަހަރާއި، ސަތާރަ އަހަރާއި ދެމެދުގެ ޖަލަށްލުން ނުވަތަ އަރުވާލުމެވެ.

ށ. މިޗެޕްޓަރުގައި "ޖަލުގައި ވަކިން ހައްޔަރު ކުރުން" ދޭހަކޮށްދެނީ ޖަލު ބަލަހަށްޓާ ދައުލަތުގެ މުވައްޒަފުން ފިޔަވައި އެހެން އެއްވެސް އިންސާނަކާ ބައްދަލު ނުވެވޭ އަދި ބޭރުގެ އެއްވެސް ޒަރިއާ އަކުން ނެތި ވަކި ތަނެއްގައި ބެހެށްޓުމެވެ.

ނ. މިޗެޕްޓަރުގައި "ސިއްރުކުރުން" ދޭހަކޮށްދެނީ، އެފަދަ މައްލޫމާތު ވެވުނު އެންމެ އަވަސް ފުރްސަތެއްގައި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީއަށް، ސިފައިންގެ އޮފީހަށް އަތޮޅު އޮފީހަށް ނުވަތަ ރަށު އޮފީހަށް ނާންގާ ހުރުމެވެ.

 

        ގާނޫނު އަސާސީގެ 69 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މިގާނޫނުގެ ހުކުމް، 21 އޭޕްރިލް 1975 ދުވަހުން ފެށިގެން ހިނގާނެ އެވެ.

 

މި ގާނޫނަށް ގެނެވުނު އިސްލާހު

11 ވަނަ އިސްލާހު

12 ވަނަ އިސްލާހު

13 ވަނަ އިސްލާހު

14 ވަނަ އިސްލާހު

15 ވަނަ އިސްލާހު

17 ވަނަ އިސްލާހު

 

އުވި ގާނޫނު

ގާނޫނުލްއުގޫބާތު (ގާނޫނު ނަންބަރު 9/2014)

 

ގުޅުންހުރި ގާނޫނު

ގާނޫނުލް އުގޫބާތު (ޗެޕްޓަރު 2)

ގާނޫނުލް އުގޫބާާތު (ޗެޕްޓަރު 3)

ގާނޫނުލްއުގޫބާތު (ޗެޕްޓަރު 4)

ގާނޫނުލް އުގޫބާތު (1951)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު