-

ގާނޫނުލް އުގޫބާތު (ޗެޕްޓަރ 2)

(ގާނޫނު ނަންބަރު 1981-21)

(މި ގާނޫނު ވަނީ ގާނޫނު ނަންބަރ 2014-09 ގެ 18 ވަނަ މާއްދާއިން އުވާލެވިފައި)

ޗެޕްޓަރ 2

އާންމު މަސްލަހަތާއި އަމަންއާންމު

 

46 ވަނަ މާއްދާ - ގައިރުގާނޫނީ އެއްވުން

ތިންމީހަކު ނުވަތަ އެއަށްވުރެ ގިނަ ބަޔަކުގެ އެއްވުން "ގައިރުގާނޫނީ އެއްވުމަކަށް" ވާކަމުގައި ބެލޭނީ، ތިރީގައި މިވާ އެއްވެސް ކަމަކީ އެއްވުމުގެ މަގްސާދު ކަމުގައި ވާނަމައެވެ.

 

  1. އަނިޔާއެއް ލިބިދާފަދަ ގަދަފަދަ ކަމެއް ބޭނުން ކޮށްގެން ނުވަތަ އެފަދަ ކަމެއް ވެދާނޭކަން ދައްކައިގެން، އެއްވެސް މާނަ އެއްގައި، ސަރުކާރަށް ދައްޗެއް ކުރުމާއި، ނުވަތަ ބިރެއް ދެއްކުމާއި ނުވަތަ އަދި ހަމަ މިފަދައިން ރައްޔިތުންގެ މަޖިލީހާމެދު އަމަލު ކުޅައުމާއި، ނުވަތަ ދައުލަތުގެ އެއްވެސް މުވައްޒަފަކަށް ގާނޫނީ ގޮތުން އޭނާގެ ވާޖިބު އަދާކުރުމަށް، ނުވަތަ ވާޖިބު އަދާކުރުމަށް ލިބިފައިވާ ބާރަކަށް ކުރީގައި ބުނިފަދައިން އަމަލުކުރުން.
  2. އެއްވެސް ގާނޫނަކަށް ނުވަތަ ގާނުނީ ގޮތުން އަޅާ ފިޔަވަޅަކަށް ހުރަސް އެޅުން ނުވަތަ ލަސްކުރުވުން.
  3. އެއްވެސް މީހެއްގެ މިލްކަކަށް ނުވަތަ ނަފްސަށް އެއްވެސް މާނައެއްގެ ހަލާކެއް، އުނިކަމެއް، ޖެއްސމެއް، ނުވަތަ ރުޅިވެރިކަމެއް، މެދުވެރި ކުރުމާއި، ގަސްބުން އަތްލުން، ގަޔަށް އެރުން، ނުވަތަ މިނޫންވެސް ކުށެއްކުރުން.
    މިނަންބަރުގައި "ނަފްސު" ގެ މާނައަކީ، ފުރާނައާއި، ހަށިގަނޑާއި ހިއްސުތަކެވެ.

  4. އަނިޔާއެއް ލިބިދާފަދަ ގަދަފަދަ ކަމެއް ބޭނުން ކޮށްގެން ނުވަތަ އެފަދަ ކަމެއް ވެދާނޭކަން ދައްކައިގެން އެއްވެސް މާނައެއްގައި އެއްވެސް މީހެއްގެ މިލްކުވެރި ކަމެއް ނިގުޅައިގަތުން، މިލްކެއް އަތުލުން ނުވަތަ އެއްވެސް މީހެއްގެ މަދަނީ ހައްގެއް ކަމަށްވާ އުފައުވެރި ކަމަކުން ނުވަތަ ދިރިއުޅުމުގެ އެހެންވެސް މިފަދަ ހައްގަކުން ވިޔަސް މަހްރޫމު ކުރުން ނުވަތަ އެއިން ބަޔަކުން މަހްރޫމު ކުރުން.
  5. އަނިޔާއެއް ލިބިދާފަދަ ގަދަފަދަ ކަމެއް ބޭނުންކޮށްގެން ނުވަތަ އެފަދަ ކަމެއް ވެދާނޭކަން ދައްކައިގެން އެއްވެސް މާނައެއްގައި މީހަކަށް ގާނޫނީ ގޮތުން އޭނާގެ މައްޗަށް ލާޒިމު ނޫންކަމެއް ކުރުވުމާއި، ހަމަ މިފަދައިން ލާޒިމުކަމެއް ކުރުމަށް ހުރަސްއެޅުން.
  6. ސަރުކާރުގެ ހުއްދައެއްނެތި، ސަފުހަދައި، ފަރިތަކޮށް، ހަތިޔާރު ގެންގުޅޭން ދަސްކޮށް، އަދި މިނޫންވެސް ރާއްޖޭގެ އަމަން ބަލަހައްޓާ ބަޔަކަށް ލިބެމުންދާ ހާއްސަ ތަމްރީނު ކުޅައުން މިއެވެ.

ނޯޓް: ބަޔަކު އެއްވާއިރު، ގައިރުގާނޫނީ އެއްވުމަކަށް ނުވިނަމަވެސް ފަހުން އެފަދަ އެއްވުމަކަށް އެނބުރިދާނެއެވެ.

 

47 ވަނަ މާއްދާ - ގައިރުގާނޫނީ އެއްވުމުގެ ބައިވެރިން 

ކުށެއް ކުރުމަށް ނުވަތަ ކުށެއް ކުރެވިދާފަދަ ގޮތެއްގައި ބަޔަކު މީހުން އެއްވާ އެއްވުމެއްގައި، އެބަޔަކާ ގުޅި އެ އެއްވުމާ ބައިވެރި ވެއްޖެނަމަ، ނުވަތަ ކުށެއް ކުރުމުގައި ބައިވެރި ވެއްޖެނަމަވެސް ނުވަތަ ކުށެއް ކުރާއިރު ބައިވެރި ވުމުގައި ދެމިހުރިނަމަވެސް އެ އެއްވުމަކީ "ގައިރުގާނޫނީ އެއްވުމަކަށް" ވާހިނދު، އެމީހަކު އެހުރީ އެ ގައިރުގާނޫނީ އެއްވުމެއްގެ މެންބަރަކަށް ވެފައެވެ.

 

48 ވަނަ މާއްދާ - ގައިރުގާނޫނީ އެއްވުމެއްގެ ބައިވެރިޔާގެ އަދަބު

ގައިރުގާނުނީ އެއްވުމެއްގެ ބައިވެރިއަކަށް ދެވޭ އަދަބަކީ، ގިނަވެގެން އަހަރު ދުވަހަށް އަރުވާލުން ނުވަތަ 6 މަސް ދުވަހަށްވުރެ ގިނަނޫން މުއްދަތަކަށް ޖަލަށްލުން، ގިނަވެގެން އަހަރު ދުވަހަށް ގޭގައި ބަންދުކުރުން 100 ރުފިޔާ އަށްވުރެ ގިނަނޫން އަދަދަކަށް ޖޫރިމަނާ ކުރުން ނުވަތަ ޖޫރިމަނާއާއެކު، ގޭގައި ބަންދު ކުރުމެވެ.

 

49 ވަނަ މާއްދާ - ނުރައްކާތެރި ހަތިޔާރެއް ހިފައިގެން ގައިރު ގާނޫނީ އެއްވުމެއްގައި ބައިވެރިވުން

މީހަކު މަރާލެވިދާނޭ ހަތިޔާރެއް ނުވަތަ އެ އެއްޗަކީ، ހަތިޔާރެއްގެ ގޮތުގައި ބޭނުން ކޮށްފިއްޔާ މީހަކު މަރާލެވިދާނޭ ފަދަ އެއްޗެއް ހިފައިގެން ނުވަތަ މިފަދަ އެއްޗަކާއެކު ގައިރުގާނޫނީ އެއްވުމެއްގައި ބައިވެރިވާ މީހަކަށް ދެވޭ އަދަބަކީ 6 މަސް ދުވަހާއި 3 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ 1 އަހަރާއި 6 އަހަރާ ދެމެދުގެ މުއްދަތަކަށް އަރުވާލުން، ނުވަތަ 8 މަސް ދުވަހަށްވުރެ މަދުނޫން 18 މަސް ދުވަހަށްވުރެ ގިނަނޫން މުއްދަތަކަށް ގޭގައި ބަންދު ކުރުމެވެ.

 

50 ވަނަ މާއްދާ - ގައިރު ގާނޫނީ އެއްވުމަކުން ބާރެއް ދެއްކުން

ގައިރު ގާނޫނީ އެއްވުމެއްގެ އެންމެން ނުވަތަ އޭގެ ބައެއް ނުވަތަ މީހަކު، އެއްވެސް މާނައެއްގައި ގަދަފަދަ ކަމެއް (އެފަދަ އެއްވުމެއް ގައިރު ގާނޫނީ އެއްވުމަކަށް ހިމެނުނުފަދަ އެއްވެސް އަމަލެއް ކުޅައުމަށް) ދައްކައިފިނަމަ، އެމީހަކު ނުވަތަ އެބަޔަކު ކުށްވެރި ވާނީ އަމަން ނަގާލި ކަމުގައެވެ. އަދި މިފަދަ ކުށްވެރިއަކަށް ދެވޭ އަދަބަކީ 1 އަހަރާއި 4 އަހަރާ ދެމެދުގެ ޖަލަށްލުން، ނުވަތަ 2 އަހަރާއި 8 އަހަރާ ދެމެދުގެ މުއްދަތަކަށް އަރުވާލުން ނުވަތަ 4،000 އަށްވުރެ ގިނަނޫން އަދަދެއްގެ ރުފިޔާއިން ޖޫރިމަނާ ކުރުމެވެ.

 

51 ވަނަ މާއްދާ - ގައިރު ގާނޫނީ އެއްވުމެއްގައި ނުރައްކާތެރި ހަތިޔާރާއެކު ބާރު ދެއްކުން

50 ވަނަ މާއްދާގައި ބުނެފައިވާ ކުށެއް ކުރާއިރު މީހަކު މަރާލެވިދާފަދަ ހަތިޔާރެއް ނުވަތަ އެ އެއްޗަކީ، މީހަކު މެރުމަށް ހަތިޔާރެއްގެ ގޮތުގައި، ބޭނުން ކުރެވިދާފަދަ އެއްޗެއް ގެންގުޅެފި މީހަކަށް ދެވޭ އަދަބަކީ، ގިނަވެގެން 5 އަހަރު ދުވަހަށް ޖަލަށްލުން ނުވަތަ 5،000 އަށްވުރެ ގިނަ ނޫން އަދަދެއްގެ ރުފިޔާއިން ޖޫރިމަނާ ކުރުމެވެ.

 

52 ވަނަ މާއްދާ - ގައިރު ގާނޫނީ އެއްވުމެއްގެ މީހުން ކުށްވެރިވާ ގޮތް

ގައިރު ގާނޫނީ އެއްވުމެއްގެ ތެރެއިން، މީހަކު ކުށެއް ކުރާއިރު، އެ ކުށް އެ އެއްވުން ގައިރު ގާނޫނީ އެއްވުމަކަށްވީ ސަބަބާ ގުޅޭނަމަ، އެވަގުތު އެ އެއްވުމުގެ އެންމެން އެ ކުށުގައި ނިސްބަތުން ކުށްވެރިވާނެ އެވެ.

 

53 ވަނަ މާއްދާ - ގައިރު ގާނޫނީ އެއްވުމަކަށް ރޫޅުމަށް އެންގުމަށްފަހު އިތުރު ހަރަކާތް

ގައިރު ގާނޫނީ އެއްވުމެއް ރޫޅުމަށް ގާނޫނީ އެއްވެސް ފަރާތަކުން އެންގުމަށްފަހު، އެ އެއްވުން ކުރިޔަށް ގެންގޮސްފި ނުވަތަ އެ އެއްވުމާ އިތުރަށް ގުޅިއްޖެ މީހަކަށް ދެވޭ އަދަބަކީ ގިނަވެގެން 4 އަހަރު ދުވަހަށް ޖަލަށްލުން، ނުވަތަ 8 އަހަރަށްވުރެ ގިނަނޫން މުއްދަތަކަށް އަރުވާލުން ނުވަތަ 1،000 އަށްވުރެ ގިނަނޫން އަދަދެއްގެ ރުފިޔާއިން ޖޫރިމަނާކުޅައުމެވެ.

 

54 ވަނަ މާއްދާ - ގައިރު ގާނޫނީ އެއްވުމެއް ނައްތާލުމަށް ބާރުއަޅާ މީހާއަށް ހުރަސްއެޅުން

 

50 ވަނަ މާއްދާގައި ބުނެވުނު ފަދަ އަމަލެއް ކުރާ ބަޔަކު އެފަދަ އަމަލުން ރައްކައުތެރި ކުރުމަށް ނުވަތަ އެ އަމަލު ހުއްޓުވުމަށް ގާނޫނީ ގޮތުން ހުއްދަ މީހަކު މަސައްކަތް ކުރަނިކޮށް އޭނާ ބިރުގަންނަވާ ނުވަތަ އެއްވެސް މާނައެއްގައި އޭނާގެ މަސައްކަތަށް ހުރަސް އަޅައިފި މީހަކަށް ދެވޭ އަދަބަކީ 1 އަހަރާއި 4 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ 2 އަހަރާއި 8 އަހަރާ ދެމެދުގެ މުއްދަތަކަށް އަރުވާލުން. ނަމަވެސް އެމީހާގެ ގަޔަށް އަޔާ ހާނީއްކައެއް ކޮށްފި މީހަކަށް ދެވޭ އަދަބަކީ 3 އަހަރާއި 8 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

55 ވަނަ މާއްދާ - ގައިރުގާނޫނީ އެއްވުން އެއްވާ ތަންތާނގެ ވެރީން

ގައިރު ގާނޫނީ އެއްވުމެއް އެއްވާ ތަނެއްގެ ވެރިޔަކު، އެކަން މަނާނުކޮށް، ނުވަތަ އެކަމާ އަޅާނުލައި ނުވަތަ އެކަން ގާނޫނީ އެއްވެސް ފަރާތަކަށް ނާންގާ ހުރެއްޖެނަމަ އެމީހަކު ކުށްވެރި ވާނީ އެ އެއްވުމެއްގައި ބައިވެރިވި މީހަކު ފަދައިންނެވެ.

 

56 ވަނަ މާއްދާ - ގައިރުގާނޫނީ އެއްވުމަކަށް އެހީވާ މީހާ

ގައިރު ގާނޫނީ އެއްވުމަކަށްޓަކައި މީހުން ކުއްޔަށް ހިފާ މީހުން ރައްކައުތެރިކޮށް ކާންދީ ނުވަތަ ހިޔާވަހިކަންދީ ނުވަތަ ފޯރިދީ ނުވަތަ ނަސޭހަތްދީ ނުވަތަ ރާވައިދީ ހަދާމީހަކީ މިފަދަ އެއްވުމުގެ ބައިވެރިއެކެވެ.އަދި މިފަދަ އެއްވުމަކަށް ނުވަތަ މިފަދަ އެއްވުމެއްގެ މަގްސަދަކަށްޓަކައި އެއްވެސް ހަތިޔާރެއް ހަދައިދީ ގަނެދީ ރައްކައުކޮށްދީ ހަދައިފި މީހަކަށްހުރި އަދަބަކީ 1 އަހަރާއި 5 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

57 ވަނަ މާއްދާ - ވަކިފަރާތެއްގެ ފައިދާއަށް ގައިރު ގާނޫނީ އެއްވުން

ވަކި މީހެއްގެ ފަރާތުން ނުވަތަ ވަކި މީހެއްގެ ފައިދާ އަކަށްޓަކައި ގައިރު ގާނޫނީ އެއްވުމެއް އެއްވި ކަމުގައި ވެފައި ނުވަތަ އެ އެއްވުމަށް މެދުވެރިވި ސަބަބާ އެމީހާއާ ގުޅުމެއް ހުރި ކަމުގައި ވެފައި އެކަމުން ފައިދާ ހޯދައިފިނަމަ، ނުވަތަ ގަބޫލު ކޮށްފިނަމަ، އެމީހާ ކުށްވެރި ވާނެއެވެ.

ނަމަވެސް މިގޮތުން ކުށްވެރިވާހުށީ ގައިރު ގާނޫނީ އެއްވުމަކީ، ވެދާނެ ކަމެއްކަން ނުވަތަ މި އެއްވުމުގެ ނަތީޖާ އެއްގެ ގޮތުން ހަރަކާތެއް ނުވަތަ އަމަލެއް ހިނގާފާނެކަން ދެނެހުރުމާއެކު ނުވަތަ އެނގޭނޭ ސަބަބުތަކެއް ހުރުމާއެކު، އެމީހަކުގެ ބާރު ފޯރުވޭނޭ ގާނޫނީ ހުރިހާ ގޮތަކުން އެ އެއްވުން އެއްވިޔަ ނުދިނުމަށް ނުވަތަ އެ އެއްވުމަށް ހިނގާ ހަރަކާތްތަކާއި އަމަލުތައް ހުއްޓުވުމަށް ނޫޅެ ހުރެއްޖެނަމަ އެވެ. މި މާއްދާގައި ބުނާގޮތުން ކުށްވެރި ވެއްޖެ މީހަކަށް ދެވޭ އަދަބަކީ، އެ އެއްވުމެއްގެ އެންމެ ބޮޑު ކުށްވެރިއަކަށް ދެވޭ އަދަބަކާ އެއްވަރު އަދަބެކެވެ.

 

58 ވަނަ މާއްދާ - އާންމު ތަނެއްގައި މަސްލަހަތު ގެއްލޭފަދަ އަމަލުކުރުން

ދެމީހަކު ނުވަތަ އެއަށްވުރެ ގިނަބަޔަކު ބިމެއް ނުވަތަ މަގެއްގައި، ގެއެއްނުވަތަ ގޯއްޗެއްގައި، ފުރާދުއްވާ އެއްޗެއް ނުވަތަ އާންމު އެއްވެސް ތަނެއްގައި އެކަކު އަނެކަކުގެ ގަޔަށްއަރާ ތަޅާފޮޅާ ހަދައިފިނަމަ އެބަޔަކީވެސް އަމަންނަގާލާ ބަޔެކެވެ. މިފަދަ ކުށަށް ދޭ އަދަބަކީ، ގިނަވެގެން 6 މަސް ދުވަހަށް ޖަލަށްލުން، ނުވަތަ 1 އަހަރު ދުވަހަށް އަރުވާލުން ނުވަތަ 500 ރުފިޔާއަށްވުރެ ގިނަނޫން އަދަދަކަށް ޖޫރިމަނާ ކުޅައުން ނުވަތަ ޖޫރިމަނާއާއެކު 3 މަސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ގޭގައި ބަންދުކުރުމެވެ.

 

59 ވަނަ މާއްދާ -  ގައިރުގާނޫނީ އެއްވުމެއް ދައުލަތުގެ މުދަކަށް ގެއްލުން ދިނުން

ގައިރުގާނޫނީ އެއްވުމަކުން ދައުލަތުގެ މުދަލަކަށް އިމާރާތަކަށް ނުވަތަ އެއްވެސް މިލްކަކަށް ގެއްލުމެއް ދީފި މީހަކަށް ދެވޭ އަދަބަކީ ބަދަލު އަތުލުން ނުވަތަ ބަދަލު އަތުލުމާއެކު 2 އަހަރު ދުވަހަށްވުރެ ގިނަނޫން މުއްދަތަކަށް ޖަލަށްލުން ނުވަތަ 4 އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް އަރުވާލުން.

 

60 ވަނަ މާއްދާ - އަވަށްޓެރިޔާއަށް އާންމު އުނދަގޫކުރުން

އަވަށްޓެރިޔާއަށް ނުވަތަ އަވަށްޓެރީންނަށް އާންމު އެއްވެސް ތަނެއްގައި ނުވަތަ އެއްޗެއްގައި ކައިރީގައިވާ މީހާއަށް ނުވަތަ މީހުންނަށް އާންމު އުދަގުލެއްކުރި މީހާގެ އަދަބަކީ 200 ރުފިޔާއަށްވުރެ ބޮޑުނޫން ޖޫރިމަނާއެއްކުރުން ނުވަތަ 30 ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ގޭގައި ބަންދުކުރުން ނުވަތަ 10 ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން.

 

ނޯޓް: "އާންމު އުނދަގޫ" މީގެ މާނައަކީ، ކުރާ ކޮންމެ އަމަލަކުން ވިޔަސް ޖިސްމާނީ ގޮތުން އަނިޔާއެއް ނުވަތަ ހާނީއްކައެއް މީހަކަށް މީހެއްގެ މުދަލަކަށް ލިބުން ފިޔަވާ އަނެކަކަށް އިހްސާސް ކުރެވޭ ނުވަތަ ލިބޭ ކޮންމެ އުނދަގުލެކެވެ.

 

61 ވަނަ މާއްދާ - މި ގާނޫނުގައި ނުވާ އުނދަގުލެއް ކުރުން

މިގާނޫނުގައި ކަނޑައަޅާފައިނުވާ ކަންތައްތަކުގެ ތެރެއިން އަމަންއަމާންކަން ގާއިމުކުރުމަށްޓަކައި ނުވަތަ މިކަން ދެމިއޮތުމަށްޓަކައި، ސަރުކާރުގެ ފަރާތުން އަންގާ އެންގުމަކަށް ނުކިޔަމަންތެރިވެއްޖެ މީހަކަށް ދެވޭ އަދަބަކީ 8 މަސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން ނުވަތަ 100 ރުފިޔާއަށްވުރެ ގިނަނޫން އަދަދަކަށް ޖޫރިމަނާކުރުން، ނުވަތަ 3 މަސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ގޭގައި ބަންދުކުރުމެވެ.

     މިގާނޫނަށް އަމަލު ކުރެވޭނީ ރަދުން މިގާނޫނު ތަސްދީގު ކުރެއްވި ދުވަހުން ފެށިގެންނެވެ. ގާނޫނު އަސާސީގެ 69 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މިގާނޫނުގެ ހުކުމް 21 -4-1975 ދުވަހުން ފެށިގެން ހިނގާނެއެވެ.

 

މި ގާނޫނަށް ގެނެވުނު އިސްލާހު

2 ވަނަ އިސްލާހު

 

އުވި ގާނޫނު

ގާނޫނުލްއުގޫބާތު (ގާނޫނު ނަންބަރު 2014-09)

 

ގުޅުންހުރި ގާނޫނު

ގާނޫނުލް އުގޫބާތު (ޗެޕްޓަރު 1)

ގާނޫނުލް އުގޫބާާތު (ޗެޕްޓަރު 3)

ގާނޫނުލް އުގޫބާތު (ޗެޕްޓަރު 4)

ގާނޫނުލް އުގޫބާތު (1951)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު