-

ރެސިޑެންޓް ޕަރމިޓް ލިބިގެން ރާއްޖޭގައިތިބޭ ބިދޭސިންގެ އަތުން ފީ ނެގުމުގެ ގާނޫނު

(ގާނޫނު ނަންބަރު 1992-02)

(މި ގާނޫނު ވަނީ ގާނޫނު ނަންބަރު 2007-01 ގެ 36 ވަނަ މާއްދާއިން އުވާލެވިފައި)

1 ވަނަ މާއްދާ

ރެސިޑެންޓް ޕާރމިޓް ލިބިގެންނޫން ގޮތެއްގައި ރާއްޖެ އަންނަ ކޮންމެ ބިދޭސީއަކަށްވެސް، އެމީހަކު އެފަހަރަކު އައި ދުވަހަކުން ފެށިގެން 30 ދުވަހުގެ މުއްދަތަށް ފީއެއްނެތި ރާއްޖޭގައި ހުރެވޭނެއެވެ.

 

2 ވަނަ މާއްދާ

މިގާނޫނުގެ 1 ވަނަ މާއްދާގައި ބުނެފައިވާ މުއްދަތު ހަމަވުމަށްފަހު އެއްވެސް ބިދޭސީއަކަށް ރާއްޖޭގައި ހުރެވޭނީ، އެމީހަކު ރާއްޖޭގައި ހަންނަން ބޭނުންވާ މަގްބޫލު ސަބަބެއް ބަޔާންކޮށް، ޑިޕާޓްމަންޓް އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަނަށް ހުށަހެޅުމުން، އެމީހަކު ރާއްޖޭގައި ހުރުމުގެ ރެސިޑެންޓް ޕާރމިޓް އެޑިޕާޓްމަންޓުން ދޫކުރުމުންނެވެ. ނަމަވެސް، ރާއްޖެއާ ބޭރުގައުމަކާ ދެމެދު ކުރެވިފައިވާ އެގްރީމަންޓެއްގައި އެގައުމެއްގެ ރައްޔިތުން ރާއްޖޭގައި ވީޒާއެއްނެތި ވަކި މުއްދަތަކަށް ތިބުމުގެ ހުއްދަ ލިބޭގޮތަށް ހަމަޖެހިފައިވާ މީހުންނަށް ރެސިޑެންޓް ޕާރމިޓެއްނެތި އެ އެގްރީމަންޓްގައިވާ މުއްދަތަކަށް ރާއްޖޭގައި ތިބެވޭނެއެވެ.

 

3 ވަނަ މާއްދާ

(ހ) މިގާނޫނުގެ 5 ވަނަ މާއްދާއިން އިސްތިސްނާކުރާ މީހުން ފިޔަވައި، އެހެން ބިދޭސީންނަށް މި ގާނޫނުގެ 2 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރެސިޑެންޓް ޕާރމިޓް ދޫކުރާއިރު، ރެސިޑެންޓް ޕާރމީޓް ދޫކުރާއިރު، ރެސިޑެންޓް ޕާރމިޓް ދުކުރާ ކޮންމެ 3 މަސް ދުވަހަކަށް، ނުވަތަ އެމުއްދަތުގެ ބަޔަކަށް، ރެސިޑެންޓް ޕާރމިޓް ފީގެ ގޮތުގައި 750 (ހަތްސަތޭކަ ފަންސާސް) ރިފިޔާ، ޑިޕާޓްމަންޓް އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަނަށް ނެގޭނެއެވެ.

(ށ) ދިވެހިރާއްޖެއަށް އަންނަ ބިދޭސީންގެ ތެރެއިން، މިގާނޫނުގެ 5 ވަނަ މާއްދާއިން އިސްތިސްނާކުރާ މީހުން ފިޔާވައި، ވަޒީފާ އަދާކުރުމަށް ނުވަތަ މަސައްކަތްކުރުމަށް އަންނަ މީހުން ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދައިގެ ފީގެ ގޮތުގައި މަހަކަށް 250 ރުފިޔާގެ ފީއެއް މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، އެމްޕްލޯމަންޓް އެންޑް ލޭބަރުން ކަނޑައަޅާ ގޮތެއްގެމަތިން ދެއްކުމަށްފަހު، ދިވެހިރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ ހޯދުމުން، މި މާއްދާގެ (ހ) ގައިވާ ރެސިޑެންޓް ޕާރމިޓް ފީ ދައްކާކަށް ނުޖެހޭނެއެވެ.

 

4 ވަނަ މާއްދާ

މިގާނޫނުގެ 3 ވަނަ މާއްދާގައިވާ ރެސިޑެންޓް ޕާރމިޓް ފީ، ޑިޕާޓްމަންޓް އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަނަށް ދެއްކުމަކީ، އެބިދޭސީއަކާ ހަވާލުވެހުރި ފަރާތެއްގެ މަސްއޫލިއްޔަތެކެވެ. އަދި ވަކިފަރާތަކާ ހަވާލުނުވެ އަމިއްލަގޮތުން ރާއްޖެއައިސްހުރި ބިދޭސީއެއްނަމަ، މިފީ ދެއްކުމަކީ އެބިދޭސީއެއްގެ މަސްއޫލިއްޔަތެކެވެ.

 

5 ވަނަ މާއްދާ

ތިރީގައިމިވާ ފަރާތްތައް މިގާނޫނުގެ 3 ވަނަ މާއްދާގައިވާ ރެސިޑެންޓް ޕާރމިޓް ފީދެއްކުމުން  އިސްތިސްނާވާނެއެވެ.

(ހ) ރާއްޖޭގައި ހުންނަ ބޭރު ގައުމުތަކުގެ ޑިޕްލޮމެޓިކް މިށަންތަކާއި، ބައިނަލްއަގްވާމީ އަދި ސަރަހައްދީ ޖަމްއިއްޔާތަކުގެ އޮފީސްތަކުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން، ޑިޕްލޮމެޓިކް އިމިޔުނިޓީ ދެވޭ މީހުންނާއި، އެމީހުންގެ އަނބިން/ފިރިންނާއި، ދަރިންނާއި، ރާއްޖޭގައި ހުންނަ އެފަދަ އޮފީސްތަކުގައި މަސައްކަތްކުރާ ޑިޕްލޮމެޓިކް އިމިޔުނިޓީ ލިބިފައި ނުވާ މީހުންނެވެ.

(ށ) ދިވެހި ރައްޔިތުންގެ ބިދޭސީ އަނބިން/ފިރިންނާއި، އެފަދަމީހުންގެ ދިވެހި ރައްޔިތުންކަމުގައި ނުވާ، އުމުރުން 16 އަހަރުނުފުރޭ ދަރިންނެވެ.

(ނ) ދިވެހި ފިރިހެނަކު ބިދޭސީއަކާ އިނދެގެން އުޅެނިކޮށް އެމީހާ ނިޔާވުމުން ހުވަފަތްވާ ބިދޭސީ އަންހެނާ.

(ރ) ސަރުކާރުން ބަލަމުން ގެންދާ މައްސަލައެއްގައި ރާއްޖޭގައި ބައިތިއްބަންޖެހޭ ބިދޭސީންނާއި، ހުކުމުއްގައި ބަންދުގައި ތިބޭ ބިދޭސީން.

 

6 ވަނަ މާއްދާ

މިގާނޫނުގެ 4 ވަނަ މާއްދާއާ ހިލާފުވާ ފަރާތްތައް 1،000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުމާއި، މިގާނޫނާ ހިލާފުވާ މީހުންގެ ތެރެއިން ބިދޭސީން ރާއްޖެއިން ފޮނުވާލުމުގެ އިހްތިޔާރު ދިވެހި ސަރުކާރަށް ލިބިގެންވެއެވެ.

 

7 ވަނަ މާއްދާ

މިގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތަކުން ނުވަތަ ފަރާތްތަކަކުންނެވެ.

 

8 ވަނަ މާއްދާ

މިގާނޫނަށް އަމަލު ކުރަން ފަށާނީ، 1 ޖޫން 1992 އިން ފެށިގެންނެވެ.

 

ނޯޓު

މިގާނޫނުގެ 3 ވަނަ މާއްދާއަށާއި، 5 ވަނަ މާއްދާގެ (ށ) އަށާއި، 7 ވަނަ މާއްދާއަށް އަމަލު ކުރަން ފަށާނީ، ގާނޫނު ނަންބަރު 1992-02 (ރެސިޑެންޓް ޕާރމިޓް ލިބިގެން ރާއްޖޭގެ ތިބޭ ބިދޭސިންގެ އަތުން ފީ ނެގުމުގެ ގާނޫނު) އަށް 2 ވަނަ އިސްލާހް ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހު ކަމުގައިވާ، 1 އޭޕްރީލް 2001 ން ފެށިގެނެވެ.

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

  

އުވި ގާނޫނު

ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނު (ގާނޫނު ނަންބަރު 2007-01)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު