-

ފައިސާއަށް ބަދަލުކުރެވޭގޮތުގައި ގެންގުޅޭ ލިޔުމާ ބެހޭ ގާނޫނު

(ގާނޫނު ނަންބަރު 1995-16)

 

ޗެޕްޓަރ 1

(ފެށުން)

           

1 ވަނަ މާއްދާ - ނަން

މިގާނޫނަށް ކިޔާނީ "ފައިސާއަށް ބަދަލު ކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ގާނޫނު" އެވެ.

ފައިސާއަށް ބަދަލު ކުރެވޭގޮތުގައި ގެންގުޅޭ ލިޔުން

 

2 ވަނަ މާއްދާ – ފައިސާއަށް ބަދަލުކުރެވޭ ގޮތުގައިގެންގުޅޭ ލިޔުން

ފައިސާއަށް ބަދަލުކުރެވޭ ގޮތުގައިގެންގުޅޭ ލިޔުމަކީ އެލިޔުމެއް ގަނެވިއްކޭނެ، އަދި އެ ލިޔުމެއްގައިވާ ހައްގު އެކަކުކިބައިން އަނެކަކު ކިބައަށް ފަސޭހަކަމާއެކު ބަދަލު ކުރެވިދާނެ، އަދި އެލިޔުމެއް ފައިސާގެ ގޮތުގައި ބަދަލު ކުރެވޭނެ ގޮތަށް ގެންގުޅޭ ލިޔުމެވެ. މި ގާނޫނުގައި މިފަދަލިޔުން ކަމަށް ބުނެފައި އެވަނީ، ބިލް އޮފް އެކްސްޗޭންޖާއި ޗެކާއި ޕްރޮމިސަރީނޯޓެވެ.

 

 

ޗެޕްޓަރ 2

(ބިލް އޮފް އެކްސްޗޭންޖް)

 

3 ވަނަ މާއްދާ - ބިލް އޮފް އެކްސްޗޭންޖް

" ބިލް އޮފް އެކްސްޗޭންޖް" އަކީ، އެއްފަރާތަކުން އަނެއް ފަރާތަކަށް އެޑްރެސްކޮށް،

އެލިޔުން ރައްދުވާ ހިނދު، ނުވަތަ ކަނޑައެޅިފައިވާ ދުވަހެއްގައި، ނުވަތަ ވަކި މުއްދަތެއްގެ ތެރޭގައި، އެލިޔުމުގައި ފައިސާ ލިބެންވީ ފަރާތެއްގެ ނަން ކަނޑައެޅި ލިޔެވިފައި، އެފަރާތަކަށް ނުވަތަ އެފަރާތުގެ އަމުރަށް، ނުވަތަ އެލިޔުން ހުށަހަޅާ ކޮންމެ ފަރާތަކަށް އެލިޔުމުގައިވާ އަދަދެއް ށަރްތަކާ ނުލައި ފަސޭހައިން އަދާކުރުމަށް ލިޔެ ފޮނުވާ ލިޔުމެކެވެ.

 

4 ވަނަ މާއްދާ - ބިލް ރައްދުވާފަރާތާއި ފައިސާ ލިބެންވާ ފަރާތް ރަނގަޅަށް ބަޔާންކުރުން

ބިލް ހިފައިގެންދާ މީހާނޫން މީހަކަށް އޭގައިވާ ފައިސާ ލިބޭގޮތަށް ބިލެއް ލިޔާނަމަ އެބިލް ރައްދުވާ ފަރާތާއި، އެ ބިލްގައިވާ ފައިސާ ލިބެންވާ ފަރާތް ރަނގަޅަށް އެނގޭނޭހެން ބަޔާން ކުރަން ވާނެއެވެ.

 

5 ވަނަ މާއްދާ - ފުރިހަމަނޫން ބިލެއް ފުރިހަމަ ކުރުން

(ހ) ސޮއިކޮށްފައިވާ ބިލެއްގައި ކޮންމެހެން އޮންނަންވީ މައްލޫމާތެއް ނުލިޔެ އޮވެގެން ފުރިހަމަނުވެ އޮންނަ ބިލެއް ބިލްގެ ބައިވެރިންގެ ރުހުމާއެކު އެ ބިލްގެ އަތުގެ ވެރިޔާއަށް ލިޔެ ފުރިހަމަ ކުރެވިދާނެއެވެ.

(ށ) ސޮއިކޮށްފައިވާ ބިލެއްގައި ކޮންމެހެން އޮންނަންވީ މައްލޫމާތު ކަމުގައި ބެލޭނީ އެ ބިލްގައިވާ ތާރީހާއި، ދޫކުރުމަށް އަމުރުކޮށްފައިވާ ފައިސާގެ އަދަދާއި، ފައިސާ އަދާކުރަންޖެހޭ ވަގުތާއި، ފައިސާ ލިބޭނެތަނާއި، ބިލް ދޫކުރި ފަރާތުގެ ނަމާއި، ބިލް ރައްދުވާ ފަރާތުގެ ނަމާއި، ބިލްގައިވާ ފައިސާ ލިބެންވީ ފަރާތުގެ ނަމެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބިލެއް ފުރިހަމަ ކުރުމުގެ ރުހުންލިބިގެން އެ ބިލް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ފުރިހަަމަ ކޮށްފައިނުވާ ނަމަ އަދި ރުހުން ލިބިފައިވާ ގޮތާ އެއްގޮތަށް ފުރިހަމަ ކޮށްފައި ނުވާނަމަ، އެ ބިލް ފުރިހަމަ ކުރުމުގެ ކުރިން އޭގެ ބައިވެރިއަކަށް ވެފައިވާ މީހަކު އެ ބިލާ ގުޅޭގޮތުން ޒިންމާ އުފުލާކަށް ނުޖެހޭނެއެވެ.

 

6 ވަނަ މާއްދާ - ރައްދުކުރުން

(ހ) ކޮންމެ ބިލެއްގައިމެ ހިމެނޭ ކޮންޓްރެކްޓަކީ، އަލަށް ބިލް ލިޔުނު ފަރާތުގެ ނުވަތަ ގަބޫލުކުރި ފަރާތުގެ ނުވަތަ އިންޑޯސް ކުރިފަރާތުގެ ކޮންޓްރެކްޓެއް ކަމުގައި ވީނަމަވެސް އެ ކޮންޓްރެކްޓަށް އަމަލު ކުރުމަށްޓަކައި ރައްދު ކުރެވެންދެން ފުރިހަމަނުވެ އޮންނަ އަދި ބާތިލު ކުރެވިދާނެ ކޮންޓްރެކްޓެކެވެ.

ނަމަވެސް، ބިލެއްގައި އެ ބިލެއް ގަބޫލުކޮށްފި ކަމުގައި ލިޔެ، އަދި ބިލްގަބޫލުކުރާ ފަރާތުން އެކަން ފައިސާ ލިބެންވާ ފަރާތަށް އަންގައިފިނަމަ، އެ ގަބޫލުކުރުން އެ އޮތީ، ބާތިލް ނުކުރެވޭނެ ފަދައިން ފުރިހަމަވެފައެވެ.

(ށ) ފައިސާ އަށް ބަދަލުކުރޭ ގޮތުގައި ބިލް ގެންގުޅުމުގައި އެންމެ ގާތުގައި ތިބޭ ދެފަރާތުގެ ދެމެދުގައި ކުރަންޖެހޭ ރައްދުކުރުން:

  1. ފުރިހަމަވެއްޖެ ކަމުގައި ބެލޭނީ އެ ހާލަތެއްގައި ރައްދުކުރަންޖެހޭނީ ބިލް އަލަށް ލިޔާފަރާތް ނުވަތަ ގަބޫލުކުރާ ފަރާތް ނުވަތަ އިންޑޯސްކުރާ ފަރާތްކަމުގައި ވާނަމަ، ސީދާ އެފަރާތުން ނުވަތަ އެފަރާތުގެ ހުއްދައަކާއެކު ރައްދު ކުރުމުންނެވެ.
  2. އެއީ ބިލްގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލު ކުރުމުގެ ނިޔަތުގައި ނޫންގޮތަކަށް ވަކި ށަރްތެއްގެ މަތިން ނުވަތަ ވަކި ހާއްސަ ކަމަކަށްޓަކައި، ރައްދު ކުރެވުނު ރައްދުކުރެވުމެއް ކަމަށް ސާބިތު ކުރެވިދާނެއެވެ. ނަމަވެސް ފައިސާ އަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅުމުގައި، އެ ބިލް އެވަގުތުވަނީ ތެދުނިޔަތުގައި އަގެއް ދިނުމަށްފަހު ލިބިގެންފައިވާ ފަރާތެއްގައި ކަމުގައި ވާނަމަ، އެ ބިލް އެ އޮތީ އޭނާގެ ކުރިން އިސްވެދިޔަ ފަރާތްތަކުން ފުރިހަމައަށް ރައްދު ކުރެވިގެން އޭނާއާ ހަމައަށް އައިސްފައި ކަމުގައި ގާނޫނު ފުރިހަމަ އަށް ގަބޫލު ކުރާނެއެވެ. އެއީ އެ ފަރާތްތަކުން އެ ބިލަށް ޒިންމާވާނޭ ގޮތް ހެދުމަށްޓަކައެވެ.

 

7 ވަނަ މާއްދާ - ބިލެއްގަބޫލުކުރުން

(ހ) ބިލެއް ގަބޫލުކުރުމަކީ އެ ބިލް ދޫކުރި ފަރާތުން އޭގައި ކޮށްފައިވާ އަމުރު، އެ ބިލް ރައްދުވާ ފަރާތުން ގަބޫލުކުރާކަން އެންގުމެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގަބޫލުކުރާކަން އެންގިކަމަށް ބެލޭނީ ބިލް ރައްދުވާ ފަރާތުން ބިލް ގަބޫލުކުރާކަމަށް ބިލްގައި ލިޔެ ސޮއި ކުރުމުންނެވެ.

 

8 ވަނަ މާއްދާ - ބިލްގައި ކަނޑައެޅިފައިވާ ގޮތަށް ނުވަތަ އިތުރުގޮތަކާއެކު ބިލް ގަބޫލުކުރުން

ބިލެއް ގަބޫލުކުރާއިރު އެބިލްގައި ކަނޑައެޅިފައިވާ ގޮތަށް ނުވަތަ އިތުރުގޮތަކާއެކު ބިލް ގަބޫލު ކުރެވިދާނެއެވެ.

 

9 ވަނަ މާއްދާ - ވަގުތުން ފައިސާ ލިބެންޖެހޭ ބިލް

ފައިސާ ލިބެންވާ ފަރާތުން އެދުމުން، ވަގުތުން ފައިސާ ލިބޭނެ ބިލަކީ، ތިރީގައި ބަޔާން ވެގެންވާ ގޮތަށް އޮންނަ ބިލެވެ.

(ހ) އެބިލް ދެއްކުމުން ނުވަތަ ހުށަހެޅުމުން ނުވަތަ ފައިސާއަށް އެދުމުން ފައިސާ ލިބޭގޮތަށް އޮންނަބިލް.

(ށ) ފައިސާ ލިބޭނެވަކި ވަގުތެއްކަނޑައަޅާފައި ނުވާ ބިލް.

 

10 ވަނަ މާއްދާ - ކަނޑައެޅިފައިވާ ވަގުތެއްގައި ފައިސާ ލިބޭބިލް

ކަނޑައެޅިފައިވާ ވަގުތެއްގައި ފައިސާލިބޭ ބިލަކީ، ތިރީގައި ބަޔާން ވެގެންވާ ގޮތަށް އޮންނަ ބިލެވެ.

(ހ) އެ ބިލް ދެއްކުމަށްފަހު ނުވަތަ އެ ބިލް ހުށަހެޅުމަށް ފަހު ވަކި މުއްދަތެއް ފާއިތުވުމަށް ފަހު، ފައިސާ ލިބޭގޮތަށް އޮންނަބިލާއި، އެ ބިލްގައިވާ ތާރީހަަކަށްފަހު ކަނޑައެޅިފައިވާ މުއްދަތެއްގެ ފަހުން ފައިސާ ލިބޭ ގޮތަށް އޮންނަ ބިލް.

(ށ) ކަނޑައެޅިފައިވާ ވަކި ކަމެއް ހިނގާނޭ ވަގުތެއް ކަށަވަރު ނުވިނަމަވެސް، އެކަމެއް ހިނގާނޭކަން ކަށަވަރުވާކަމެއް ހިނގުމުން ނުވަތަ އެކަމެއް ހިންގުމަށްފަހު ވަކިމުއްދަތެއް ފާއިތުވުމުން ފައިސާ ލިބޭގޮތަށް އޮންނަ ބިލް.

 

11 ވަނަ މާއްދާ - ބަދަލުގައި ސޮއިކުރުން

ބިލެއް ދޫކުރާ ފަރާތުގެ ނުވަތަ އިންޑޯސްކުރާ ފަރާތުގެ ނުވަތަ ގަބޫލުކުރާ ފަރާތުގެ ބަދަލުގައި ނުވަތަ އެއިން ފަރާތެއް ތަމްސީލްކުރާ މީހެއްގެ ގޮތުން ބިލެއްގައި ސޮއިކޮށް އެކަން އެބިލްގައި ބަޔާންކޮށްފައިވާނަމަ އެބިލަކާ ގުޅޭގޮތުން އެމީހާ ށަހްސީގޮތުން ދަރަނިވެރިއެއް ނުވާނެއެވެ.

 

12 ވަނަ މާއްދާ  - ބައިވެރިއަކު ދަރަނިވެރިނުވާގޮތް

(ހ) ވައިވެރިއަކު ދަރަނިވެރިނުވާ ގޮތަށް ބިލެއްގައި ސޮއިކޮށްފައިނުވާ ބައިވެރިއަކު އެބިލާގުޅޭގޮތުން ދަރަނިވެރިއެއް ނުވާނެއެވެ.

ކުންފުންޏެއް ނުވަތަ ޖަމާއަތެއްގެ ނަމުގައި ކުރާ ސޮއި

(ށ) ކުންފުންޏެއް ނުވަތަ ޖަމާއަތެއްގެ ނަމުގައި ކުރާ ސޮއި ކުންފުންޏެއް ނުވަތަ ޖަމާއަތެއްގެ ނަމުގައިކަން އެނގޭގޮތަށް ބިލެއްގައި މީހަކު ސޮއި ކޮށްފިނަމަ ބަލާނީ އެޖަމާއަތެއްގެ ބައިވެރިންގެ ގޮތުގައި ޒިންމާ އުފުލަންޖެހޭ އެންމެންގެ ނަމުގައި ކޮށްފައިވާ ސޮއެއް ކަމަށެވެ.

 

13 ވަނަ މާއްދާ - އިންޑޯސްކުރުމުގައި ފައިސާ ލިބެންވީ ފަރާތް ލިޔެވިފައިނެތުން

އިންޑޯސް ކުރުމުގައި ފައިސާ ލިބެންވީ ފަރާތް ކަނޑަނާޅާ ދޫކުރެވިފައިވާ ބިލެއް އެބިލް ގައިވާ ފައިސާ ވަކި ފަރާތަކަށް ލިބޭގޮތަށް އެބިލްގެ އަތުގެ ވެރިޔާއަށް ބަދަލު ކުރެވިދާނެއެވެ. މިގޮތަށް ބަދަލުކުރެވޭނީ އެ ބިލް އިންޑޯސްކޮށްފައިވާ މީހާގެ ސޮޔާ ދިމާގައި ފައިސާ ލިބެންވާ މީހާގެ ނަން ލިޔުމުންނެވެ.

 

14 ވަނަ މާއްދާ - ދާއިރާ އެކަށައަޅައި އިންޑޯސްކުރުން

(ހ) ބިލްގައި ކަނޑައެޅިފައިވާ ގޮތެއްގެމަތީން މެނުވީ، އެ ބިލް އިންޑޯސްކޮށްދެވޭ ފަރާތުން އިތުރު ފަރާތަކަށް އިންޑޯސްކޮށްނުދެވޭ ގޮތަށް ބިލް އިންޑޯސް ކޮށްފައިވާނަމަ އެވާނީ ދާއިރާ އެކައަޅައި ކުރެވިފައިވާ އިންޑޯސް ކުރުމަކަށެވެ.

(ށ) ދާއިރާ އެކަށައަޅައި އިންޑޯސް ކޮށްފައިވާ ބިލެއްގައިވާ ފައިސާ ހޯދުމަށް، އެ ބިލް އިންޑޯސްކޮށް ދެވިފައިވާ މީހާއަށް އެބިލްގައި ބައިވެރިވެފައިވާ ކޮންމެ ފަރާތަކާވެސް ދައްވާ ކުރެވިދާނެއެވެ. ނަމަވެސް އިންޑޯސްކޮށް ދެވިފައިވާ މީހާގެ ހައިސިޔަތުން އޭނާއަށް ލިބިފައިވާ ހައްގު ކަނޑައެޅިގެން އެ ބިލުން ހުއްދަ ނުކުރާނަމަ އެހެން ފަރާތަކަށް ބަދަލެއް ނުކުރެވޭނެއެވެ.

(ނ) ދާއިރާ އެކަށައަޅައި އިންޑޯސް ކޮށްފައިވާ ބިލެއްގައި އެ ބިލެއް އެހެން ފަރާތަކަށް އިންޑޯސްކުރުމަށް ހުއްދަ ދޭނަމަ، ފަހުން އިންޑޯސްކޮށްދެވޭ ކޮންމެ ފަރާތަކަށްވެސް ލިބިގެންވަނީ ދާއިރާ އެކަށައަޅައި އެ ބިލް އެންމެފުރަތަމަ އިންޑޯސް ކޮށްދެވުނު ފަރާތަށް ލިބިފައިވާ ހައްގާއި އެއްވަރުގެ ހައްގެކެވެ. އަދި ހަމަ އެފަދައިން ދާއިރާ އެކަށައަޅައި އެންމެފުރަތަމަ އިންޑޯސް ކޮށްދެވުނު ފަރާތެކޭ އެއްގޮތަށް ޒިންމާވާންޖެހޭ ކޮންމެ ދަރަންޏަކަށްވެސް ދާއިރާ އެކަށައަޅައި އިންޑޯސްކުރުމަށްފަހު އިންޑޯސްކޮށްދެވުނު ކޮންމެ ފަރާތަކުން ޒިންމާވާން ޖެހެއެވެ.

 

15 ވަނަ މާއްދާ - ބިލްގެ ބައިވެރިއަކު ޒިންމާއިން ބަރީއަކުރުން

ބިލްގެ އަތުގެ ވެރިޔާ ބޭނުންވެއްޖެ ހިނދެއްގައި ތިރީގައިމިވާ ގޮތްތަކުންކުރެ ގޮތަކުން ބިލްދޫކުރި ފަރާތް ނުވަތަ ބިލް ގަބޫލުކުރި ފަރާތް، އިންޑޯސްކޮށްދިން ފަރާތް، ބިލާމެދު އުފުލަންޖެހޭ ޒިންމާއިން ބަރީއަ ކުރެވިދާނެއެވެ.

(ހ) ބިލަކުން ބައިވެރިއެއްގެ ނަން ކެންސަލްކޮށް އެބިލްގައި ބިލްގެ އަތުގެ ވެރިޔާ ސޮއިކުރުން.

(ށ) އެއްބަސްވުމެއްގެ ދަށުން ބިލްގެ ބައިވެރިޔަކު ޒިންމާއިން ބަރީއަ ކުރުން.

(ނ) ބިލްގައިވާ ކޮންޓްރެކްޓާ ގުޅޭ ގޮތުން ބިލްގެ ބައިވެރިޔަކު ޒިންމާއިން ބަރީއަކޮށްފިކަމަށް ދޭހަވާފަދަ ގޮތަކަށް ބިލްގެ އަތުގެ ވެރިޔާ އަމަލުކުރުން.

 

16 ވަނަ މާއްދާ - ބިލަކަށް ބަދަލެއް ގެނައުން

ބިލެއްގެ ޒިންމާ އުފުލަންޖެހޭ ހުރިހާ ބައިވެރިންގެ ރުހުމާނުލައި ބިލްގައި ކޮންމެހެން އޮންނަންޖެހޭ މައްލޫމާތަކަށް ބިލްގެ ބައިވެރިޔަކު ބަދަލެއް ގެނެސްފިނަމަ އެ ބަދަލު ގެނައުމަށްފަހު އެ ބިލަށް ޒިންމާވާނީ ހަމައެކަނި އެ ބަދަލުގެނައި ފަރާތާއި އެބަދަލު ގެނައުމަށް އެއްބަސްވި ބިލްގެ ބައިވެރިންނާއި އެ ބަދަލު ގެނައުމަށްފަހު އެބިލްގައި ބައިވެރިވާ ފަރާތްތަކެވެ. ނަމަވެސް ބިލެއްްގައި ކޮންމެހެން އޮންނަންޖެހޭ މައްލޫމާތަކަށް ބަދަލެއް ގެނެސްފައިވާކަން އެ ބިލް ލިބިފައިވާ ފަރާތަށް ފާހަގަނުކުރެވޭ ގޮތަށް އޮތް ބިލެއްނަމަ، ބަދަލެއް ގެނެސްފައިނުވާ ބިލެއްގެ ގޮތުގައި އެބިލް ބޭނުންކުރެެވިދާނެއެވެ. އަދި އެ ބިލް ފުރަތަމަ ދޫކުރިއިރު އޭގައިވާ މައްލޫމާތުގެ މައްޗަށް ބިނާކޮށް ފައިސާ ހޯދުމުގެ ހައްގު އެ ފަރާތަށް ލިބިގެންވެއެވެ.

 

17 ވަނަ މާއްދާ - ބަދަލުނުކުރެވޭ ލިޔުން

ބިލް އޮފް އެކްސްޗޭންޖް އެކަކުގެ ކިބައިން އަނެކަކު ކިބައަށް ބަދަލު ނުކުރެވޭ ގޮތަށް ދޫކޮށްފިނަމަ އެބިލަކީ، ފައިސާގެ ގޮތުގައި ބަދަލުކުރަމުން ގެންދެވޭނެ ބިލެއް ނޫނެވެ. ނަމަވެސް އެބިލަކީ އެ ބިލް ދޫކުރި ފަރާތާއި ރައްދުވާފަރާތާއި އަދި ފައިސާ ލިބެންވާ ފަރާތުގެ ދެމެދުގައި ސައްހަ ބިލެކެވެ. މި ގޮތަށް ބަދަލު ނުކުރެވޭ ގޮތަށްދޭ ބިލް އޮފް އެކްސްޗޭންޖްގައި " ނޮންޓްރާންސްފަރަބްލް" މިހެން ލިޔެފައި އޮންނަން ވާނެއެވެ. އަދި ބިލް އޮފް އެކްސްޗޭންޖް އެކަކު އަތުން އަނެކަކު އަތަށް ބަދަލުކުރަމުންގޮސް އެ ބިލްގައި " ނޮންޓްރާންސްފަރަބްލް" ޖަހައިފިނަަމަ އެ ބިލް ސައްހަ ވާނީ އެންމެ ފަހުން އެ ބިލް އިންޑޯސްކުރިފަރާތާއި ފައިސާ ލިބެންވާ ފަރާތާ ދެމެދު ގައެވެ.

 

18 ވަނަ މާއްދާ - ގަބޫލުކުރާ ފަރާތުގެ ޒިންމާ

ބިލް އޮފް އެކްސްޗޭންޖް ގަބޫލުކުރާ މީހާ އެ ބިލެއް ގަބޫލުކުރުމުން އެޔަގީން ކޮށްދެނީ:

(ހ) އެ ބިލް އޮފް އެކްސޭޗޭންޖްގައިވާ ފައިސާ ދިނުމަށް އެ ބިލްގައި އަމުރުކޮށްފައިވާ ފަދައިން ނުވަތަ އޭނާ ގަބޫލުކުރާ ގޮތެއްގެ މަތިން އެ ފައިސާދޭނެ ކަމަށާއި،

(ށ) އެ ބިލް އޮފް އެކްސްޗޭންޖް ފައިސާގެ ގޮތުގައި ބަދަލުކުރެވެުމުންގޮސް އެބިލް ފައިސާއަށް ބަދަލުކުރަން އެއްވެސް ފަރާތަކުން އެދެފިނަމަ، އެ ބިލަށް ފައިސާ ދޭން ގަބޫލުކުރި ފަރާތުން އަންނަނިވި ކަންތައްތަކާމެދު ށައްކެއް ނުކުރާނެ ކަމަށާއި މައްސަލައެއް ނުޖައްސާނެ ކަމެވެ.

  1. އެ ބިލް ދޫކުރި ފަރާތެއްވާ ކަމާއި އެ ބިލްގައި އެވަނީ އެފަރާތެއްގެ ސައްހަ ސޮއިކަމާއި އަދި އެ ބިލްދޫކުރި ފަރާތަށް އެ ބިލް ދޫކުރުމަށް ގާނޫނީގޮތުން އިހްތިޔާރު ލިބިގެން ވާކަން.
  2. ބިލް އޮފް އެކްސްޗޭންޖްގައިވާ ފައިސާ އެ ބިލް އޮފް އެކްސްޗޭންޖް ލިޔުނުފަރާތަށް ލިބޭގޮތަށް އޮތްނަމަ އެ ބިލް އިންޑޯސް ކުރާއިރު އިންޑޯސް ކުރުމުގެ އިހްތިޔާރު އެފަރާތަށް ލިބިފައިވާކަން. ނަމަވެސް އެ އިންޑޯސްމެންޓަކީ، ހަގީގީ ނުވަތަ ސައްހަ އިންޑޯސްމެންޓެއްތޯ ސުވާލު ކުރެވިދާނެ އެވެ.
  3. ފައިސާ ލިބެންވާ ފަރާތަށް ނުވަތަ އެފަރާތުން އަންގާ ފަރާތަކަށް ފައިސާ ދޭން އަމުރުކޮށް ދޫކޮށްފައިވާ ބިލެއްނަމަ އެބިލްގައިވާ ފައިސާ ލިބެންވާ ފަރާތެއްވާކަން ނުވަތަ އެފަރާތުން އެހެން ފަރާތަކަށް އެ ބިލް އިންޑޯސް ކޮށްދޭނަމަ އެބިލް އިންޑޯސްކޮށްދިނުމުގެ އިހްތިޔާރު އެފަރާތަށް ލިބިފައިވާކަން. ނަމަވެސް އެ އިންޑޯސްމެންޓަކީ ހަގީގީ ނުވަތަ ސައްހަ އިންޑޯސްމެންޓެއްތޯ އެ ބިލް ގަބޫލުކުރާ ފަރާތުން ސުވާލު ކުރެވިދާނެއެވެ.

 

19 ވަނަ މާއްދާ - ބިލް ދޫކުރާފަރާތާއި ބިލް އިންޑޯސްކުރާ ފަރާތުގެ ޒިންމާ

ބިލް އޮފް އެކްސްޗޭންޖް ދޫކުރާ ފަރާތުން އެ ބިލެއް ދޫކުރުމުން، އެ ޔަގީންކޮށްދެނީ:

(ހ) ފައިސާ ލިބިގަތުމަށް އެދި ހުށަހެޅުމުން އެ ބިލް ގަބޫލުކުރެވޭނެކަމަށާއި، އެ ބިލްގައިވާ ގޮތުގެ މަތިން ފައިސާ ލިބޭނެ ކަމަށާއި، އަދި އެބިލް ގަބޫލުނުކޮށްފިނަމަ، ގަބޫލުނުކުރުމާ ގުޅިގެން އެކަން އަންގަންޖެހޭ ފަރާތްތަކަށް ގަވާއިދުން އަންގާފައިވާނަމަ، އެ ބިލް އެ ވަގުތުއޮތް ފަރާތަށް ނުވަތަ އެ ބިލް އިންޑޯސްކޮށް ދިނުމުގެ ސަބަބުން ފައިސާ ދައްކަންޖެހިފައިވާ ފަރާތަށް އެބިލްގައިވާ ފައިސާ ދޭނެ ކަމަށާއި،

(ށ) ބިލް އޮފް އެކްސްޗޭންޖެއް އިންޑޯސްކުރާ ފަރާތުން އެބިލް އިންޑޯސްކުރުމުން އެ ޔަގީންކޮށްދެނީ، ފައިސާ ލިބިގަތުމަށް އެދި ހުށަހެޅުމުން އެ ބިލް ގަބޫލުކުރެވޭނެ ކަމަށާއި، އެ ބިލްގައިވާ ގޮތުގެމަތިން ފައިސާ ލިބޭނެ ކަމަށާއި އަދި އެ ބިލް ގަބޫލުނުކޮށްފިނަމަ ގަބޫލުނުކުރުމާއި ގުޅިގެން އެކަން އަންގަންޖެހޭ ފަރާތްތަކަށް ގަވާއިދުން އަންގާފައިވާނަމަ އެ ބިލް އެވަގުތުއޮތް ފަރާތަކަށް ނުވަތަ އެފަރާތަކަށް ފައިސާ ލިބިދިނުމަށްޓަކައި އެ ބިލް އިންޑޯސް ކޮށްދިންފަރާތަށް އެބިލްގައިވާ ފައިސާދޭނެ ކަމަށާއި،

(ނ) ބިލް އޮފް އެކްސްޗޭންޖެއް އިންޑޯސްކުރާ ފަރާތުން އެ ބިލް އިންޑޯސްކުރުމުން އެ ބިލް އިންޑޯސްކޮށްދޭ ފަރާތަށާއި އޭގެ ފަހުން އެ ބިލް އިންޑޯސްކޮށްދެވޭ ހުރިހާ ފަރާތްތަކަކަށް އޭނާ އެ ޔަގީންކޮށްދެނީ، އޭނާ އެ އިންޑޯސްކުރިއިރު، އެ ބިލަކީ ސައްހަ ބިލެއް ކަމަށާއި، އެ ބިލް އޭނާ އިންޑޯސްކުރިއިރު އެ ބިލްގައިވާ ފައިސާ ހަގީގަތުގައި ލިބެންވާ ފަރާތަކީ އެފަރާތް ކަމަށެވެ.

 

20 ވަނަ މާއްދާ – ބިލެއް ދެމިއޮތުން

ބިލެއް ފައިސާއަށް ބަދަލުކުރެވޭ ލިޔުމެއްގެ ގޮތުގައި ގެންގުޅެވޭނީ ތިރީގައިވާ ގޮތްތަކުގެ ތެރެއިން ގޮތެއް މެދުވެރިވަންދެނެވެ.

(ހ) ފައިސާގެ ގޮތުގައި ބަދަލުނުކުރެވޭ ގޮތަަށް ދާއިރާ އެކަށައަޅައި އިންޑޯސް ކުރަންދެން.

(ށ) ފައިސާއަށް ބަދަލުކޮށްނިމެންދެން.

 

 

ޗެޕްޓަރ 3

(ޗެކް)

 

21 ވަނަ މާއްދާ

"ޗެކް" އަކީ، ދޫކުރާ މީހާގެ ފަރާތުން ލިޔެ ސޮއިކޮށް، އޭގައި ބަޔާން ކުރެވިފައިވާ މީހަކަށް، ނުވަތަ އޭނާގެ އަމުރަށް، ނުވަތަ އެ ހިފައިގެންދާ މީހާއަށް، އެ ހިފައިގެން ދިއުމުން، ށަރްތަކާނުލައި އޭގައި ކަނޑައެޅިގެންވާ އަދަދެއްގެ ފައިސާ ދިނުމަށް، ބޭންކު ވިޔަފާރިކުރާ ފަރާތަކަށް ލިޔުމަކުން ކުރެވޭއަމުރެކެވެ.

 

22 ވަނަ މާއްދާ

މި ޗެޕްޓަރުގައި އެހެން ގޮތަކަށް ބުނެފައި ނުވާހާ ހިނދަކު، މި ގާނޫނުގައި ބިލް އޮފް އެކްސްޗޭންޖާ ގުޅޭގޮތުން ހުރި މާއްދާތައް ޗެކްގެ މައްޗަށްވެސް ހިންގޭނެއެވެ.

 

23 ވަނަ މާއްދާ - ކްރޮސްކުރުން

(ހ) ޗެކެއް އާންމުގޮތުގައި ނުވަތަ ހާއްސަގޮތުގައި ކްރޮސްކުރުމުގެ އިހްތިޔާރު އެ ޗެކްދޫކުރާ ފަރާތަކަށް ލިބިގެންވެއެވެ.

(ށ) ޗެކެއް ކްރޮސްނުކޮށް އޮތްނަމަ، އެ ޗެކް ލިބިފައިވާ ފަރާތަށް އާންމުގޮތުގައި ނުވަތަ ހާއްސަ ގޮތުގައި އެ ޗެކް ކްރޮސްކުރުމުގެ އިހްތިޔާރު ލިބިގެންވެއެވެ.

(ނ) ޗެކެއް އާންމުގޮތުގައި ކްރޮސްކޮށްފައި އޮތްނަމަ، އެ ޗެކްލިބިފައިވާ ފަރާތަށް އެ ޗެކް ހާއްސަގޮތުގައި ކްރޮސްކުރުމުގެ އިހްތިޔާރު ލިބިގެން ވެއެވެ.

(ރ) ހާއްސަގޮތުގައި ނުވަތަ އާންމުގޮތުގައި ކްރޮސް ކޮށްފައިވާ ޗެކެއް ލިބިފައިވާ މީހަކަށް އެ ޗެކްގައި "ނޮޓްނެގޯށިއަބަލް" ޖެހުމުގެ އިހްތިޔާރު ލިބިގެން ވެއެވެ. "ނޮޓްނެގޯށިއަބްލް" މިހެން ޖެހުމުން އެ ޗެކް، ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ބަދަލުކުރަމަކުން ނުގެންދެވޭނެއެވެ.

(ބ) ވަކި ބޭންކަކަށް ހާއްސަގޮތުގައި ކްރޮސްކޮށްފައިވާ ޗެކެއް އެ ބޭންކަށް ލިބުމުން، އެ ޗެކަށް ފައިސާ ހޯދުމަށްޓަކައި، އެ ބޭންކުން ހަމަ އެ ޗެކް އެހެން ބޭންކަކަށް ހާއްސަގޮތުގައި ކްރޮސްކުރެވިދާނެ އެވެ.

(ޅ) ކްރޮސްނުކޮށް އޮތް ޗެކަކަށް ނުވަތަ އާންމު ގޮތުގައި ކްރޮސްކޮށްފައި އޮތް ޗެކަކަށް ފައިސާ ހޯދުމަށްޓަކައި ބޭންކަކަށް ފޮނުވުމުން އެ ބޭންކެއްގެ ނަމަށް އެ ޗެކެއް ހާއްސަ ގޮތުގައި ކްރޮސްކުރެވިދާނެއެވެ.

 

24 ވަނަ މާއްދާ – ކްރޯސްކޮށްފައިވާ ތަނަކަަށް އުނި އިތުރެއް ގެނައުން

ޗެކެއްގައިވާ ކްރޮސްކުރުމަކީ، އެޗެކެއްގެ މައިގަނޑު ބައެކެވެ. ޗެކެއް ކްރޮސް ކޮށްފައި ވަނިކޮށް އެ ޗެކެއް ކްރޮސްކުރުމުގެ ގޮތުން ދަމާފައިވާ ރޮނގެއް ނުވަތަ ލިޔެފައިވާ ލިޔުމެއް ފޮހެ ނުވަތަ ކިޔަން ނޭނގޭގޮތް ހަދައިގެން ނުވާނެއެވެ. އަދި މި ގާނޫނު ހުއްދަކުރާ ގޮތެއްގެ މަތިން މެނުވީ ކްރޮސްކުރުމަށް ބަދަލެއް ގެނެސްގެން ނުވާނެއެވެ.

 

25 ވަނަ މާއްދާ - "ނޮޓްނެގޯށިއަބްލް" މިހެންލިޔެފައިވާ ކްރޮސްކުރި ޗެކް

ކްރޮސްކޮށްފައިވާ ޗެކެއް މީހަކަށް ލިބޭއިރު އެ ޗެކްގައި "ނޮޓްނެގޯށިއަބްލް" މިހެން ލިޔެފައިވާނަމަ، އެ ޗެކް އޭނާއަށް ދިންމީހާއަށް ލިބިފައިވާ ހައްގަށްވުރެ އިތުރު ހައްގެއް، ލިބިގެނެއް ނުވެއެވެ. އަދި އެހެން ފަރާތަކަށް އެ ޗެކް ދޭނަމަ، އޭނާއަށް ލިބިފައިވާ ހައްގަށްވުރެ އިތުރު ހައްގެއް ދިނުމުގެ ބާރެއްވެސް އޭނާއަށް ލިބިގެނެއް ނުވެއެވެ.

 

26 ވަނަ މާއްދާ - ބޭންކަކުން ނުބައި ނިޔަތެއްނެތި ފައިސާ ދިނުން

(ހ) ފައިސާދޭން އެދުމުން ލިބޭގޮތަށް ލިޔެފައިވާ ޗެކެއް، އެ ޗެކް ރައްދު ކުރަންވީ ބޭންކަށް ދެއްކުމުން، އެ ޗެކް އިންޑޯސްކޮށްފައި އޮތްއޮތުން އެއީ ސައްހަ އިންޑޯސްކުރުމެއްތޯ ބެލުމަކީ އެ ބޭންކަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫނެވެ.

(ށ) އާދައިގެ މަތިން ހިނގާ މުއާމަލާތުގައި ބޭންކަކަށް ރައްދުވާ ޗެކަކަށް، ނުބައި ނިޔަތެއް ނެތި ފައިސާދީފައި ވަނިކޮށް، އެ ޗެކްގައިވާ އިންޑޯސްކުރުމަކީ މަކަރު ހަދައިގެން ނުވަތަ ހުއްދަނެތި ކުރެވިފައިވާ އިންޑޯސްކުރުމެއް ކަމުގައި ވީނަމަވެސް، އެޗެކާ ގުޅޭގޮތުން ބޭންކް ޒިންމާވާކަށް ނުޖެހޭނެއެވެ.

 

27 ވަނަ މާއްދާ

ބޭންކަކުން ފައިސާ ނެގުމަށް ހުށަހަޅާފައިވަނީ ކްރޮސްކޮށްފައިވާ ޗެކެއް ކަމަށްވާނަމަ، ނުބައި ނިޔަތެއްނެތި އަދި ފަރުވާ ކުޑަކުރުމެއްވެސްނެތި އެޗެކަށް އެބޭންކުން އެހެން ބޭންކަކަށް ފައިސާ ދީފިނަމަ، އެ ދިން ދިނުމަކީ ހަގީގަތުގައި އެ ޗެކަށް ފައިސާ ލިބެންވީ ފަރާތަށް ފައިސާދެވުނީ ކަމުގައި ބެލޭނެއެވެ.

 

28 ވަނަ މާއްދާ

ނުބައި ނިޔަތެއްނެތި އަދި ފަރުވާކުޑަކުރުމެއްވެސް ނެތި ތިރީގައިވާ ދެ ގޮތުންކުރެ ގޮތަކަށް ބޭންކަކުން އަމަލު ކޮށްފައިވާނަމަ ބޭންކުން ފައިސާ ބަލައިގެންފައި ވީނަމަވެސް އެއީ ހަމައެކަނި އެކަމުގެ ސަބަބުން އެ ޗެކްގެ ހަގީގީ ވެރި ފަރާތަށް އެ ބޭންކަކުން އެއްވެސް ފައިސާއެއް ދައްކަންޖެހި ޒިންމާއެއް އުފުލަންޖެހޭނެ ކަމެއް ނޫނެވެ.

(ހ) ޗެކެއް ހުށަހެޅި ފަރާތަކަށް ފައިސާ ދިނުމަށްޓަކައި ފައިސާ ބަލައިގަތުން.

(ށ) ޗެކް ހުށަހެޅި ފަރާތުގެ އެކައުންޓަށް ބޭންކުން ފައިސާ ޖަމާކޮށް އަދި އޭގެ ފަހުން އެ ޗެކްގައިވާ އަދަދަށް ޗެކް ހުށަހެޅި ފަރާތުން ފައިސާ ނަގާފައިވަނިކޮށް އެފައިސާ ޖަމާކުރެވުނު އެކައުންޓުގެ ވެރިޔަކީ އެ ޗެކްގެ ހަގީގީ ވެރިފަރާތް ނޫންކަން އެނގުން.

 

29 ވަނަ މާއްދާ - ބޭންކެއްގެ އަމުރު ވެރިކަންނެތި ދިއުން

ބޭންކެއްގައި ފައިސާ ބަހައްޓާފައިވާ މީހަކު އެ ބޭންކަކުން ފައިސާ ނެގުމަށް ލިޔާ ޗެކަކަށް ފައިސާ ދިނުމަށް ބޭންކަށް ކޮށްފައިވާ އަމުރާއި ފައިސާ ދޫކުރުމަށް ބޭންކަށް ލިބިފައިވާ ބާރުނެތިގެން ދާނީ ތިރީގައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވުމުންނެވެ.

(ހ) ޗެކް ލިޔުނުމީހާ އެ ޗެކަށް ފައިސާނުދޭން ބޭންކަށް އެންގުން.

(ށ) ޗެކް ލިޔުނުމީހާ މަރުވެއްޖެކަން ބޭންކަށް އެނގުން.

(ނ) ގާނޫނީ ނުވަތަ ށަރްއީ އަމުރެއްކުރުން.

 

30 ވަނަ މާއްދާ

ބޭންކެއްގައި ފައިސާ ބަހައްޓައިފައިވާ މީހަކު އެ ބޭންކަކުން ފައިސާ ނެގުމަށް ލިޔާ ޗެކަކަށް ފައިސާ ދިނުމަށް ބޭންކަށް ކޮށްފައިވާ އަމުރަށް އަންނަނިވި ހާލަތްތަކުގައި ބޭންކުން ތަބައަވުން ލާޒިމެއްނޫނެވެ.

(ހ) ޕޯސްޓްޑޭޓެޑް ޗެކެއް ބޭންކަށް ހުށަހެޅުނުއިރު އެ ޗެކްގައިވާ ތާރީހު އައިސްފައިނުވުން.

(ށ) ޗެކް ދުވަސް ހަމަވެފައިވުން.

(ނ) އެކައުންޓްގައި ޗެކްގައިވާ ވަރަށް ފައިސާ ނެތުން.

(ރ) ޗެކް ހަލާކުވެފައިވުން.

(ބ) ޗެކް ދޫކުރި ފަރާތް ބަނގުރޫޓުވެފައިވުން.

(ޅ) ޗެކް ދޫކުރި ފަރާތުގެ އެކައުންޓް ކޯޓުގެ އަމުރެއްގެ ދަށަށް ގޮސްފައިވުން.

(ކ) ޗެކްދޫކުރި ފަރާތުގެ ސޮއިކަމަށް ބޭންކަށް އެނގިފައި އޮންނަ ސޮޔާއި ޗެކްގައިވާ ސޮއި ނުވައްތަރުވުން.

(އ) ޗެކްގެ ސައްހަކަމާމެދު ށައްކު އުފެދުން.

 

 

ޗެޕްޓަރ 4

(ޕްރޮމިސަރީ ނޯޓް)

 

31 ވަނަ މާއްދާ - ޕްރޮމިސަރީނޯޓް

"ޕްރޮމިސަރީ ނޯޓް" އަކީ، އަދަދު ކަނޑައެޅިގެންވާ ފައިސާއެއް، ކަނޑައެޅިފައިވާ މީހަކަށް، ނުވަތަ ކަނޑައެޅިފައިވާ މީހާގެ އަމުރަށް، ނުވަތަ ހިފައިގެންދާ މީހަކަށް ކަނޑައެޅިގެންވާ އިރެއްގައި ށަރްތަކާ ނުލައި ދިނުމަށް ވައުދުވެ ސޮއިކޮށްފައިވާ ލިޔުމެކެވެ.

 

32 ވަނަ މާއްދާ - އެކަކަށްވުރެ ގިނަ މީހުން އެކުވެގެން ޕްރޮމިސަރީނޯޓް ލިޔުން

ދެމީހަކު ނުވަތަ އެއަށްވުރެ ގިނަބަޔަކަށްވެސް ފައިސާ އަދާކުރުމަށް ޒިންމާވެ ޕްރޮމިސަރީ ނޯޓެއް ދެވިދާނެއެވެ. އަދި އެ ނޯޓްގައި ވައުދުވެފައިވާ ގޮތުގެ މަތިން ފައިސާ އަދާކުރުމުގެ ޒިންމާ އެ އެންމެން އެކީގައި ނުވަތަ ކޮންމެ މީހަކު ވަކިންއުފުލަށް ވާނެއެވެ.

 

33 ވަނަ މާއްދާ

ޕްރޮމިސަރީނޯޓެއް ދިނުމުން އެދޭ މީހާ އެ ވައުދުވަނީ އޭގައި އޮންނަ ގޮތެއްގެ މަތިން އެ ފައިސާ ދިނުމަށެވެ.

 

34 ވަނަ މާއްދާ - ފުރިހަމަވުން

ޕްރޮމިސަރީނޯޓެއް އެ ނޯޓްގައިވާ ފައިސާ ލިބެންވީ މީހާއަށް ރައްދުވަންދެން ނުވަތަ އެނޯޓަށް ފައިސާ ނެގޭނެ އެހެން މީހަކަށް ރައްދު ކުރެވެންދެން އޮންނާނީ ފުރިހަމަ ނުވެއެވެ. ފުރިހަމަނުވެ އޮންނަ ޕްރޮމިސަރީ ނޯޓެއް، ޕްރޮމިޗަރީނޯޓެއްގެ ގޮތުގައި އެއްވެސް މުއާމަލާތެއްގައި ބޭނުމެއް ނުކުރެވޭނެއެވެ.

 

35 ވަނަ މާއްދާ - ބިލް އޮފް އެކްސްޗޭންޖްގެ އުސޫލު ތަކަށް ޕްރޮމިސަރީ ނޯޓް ފެތުން

މި ޗެޕްޓަރުގައި ޕްރޮމިސަރީނޯޓާ ބެހޭގޮތުން ކަނޑައެޅި ބަޔާން ކުރެވިފައިވާ ގޮތްތަކާ ހިލާފު ނުވާހާ ހިނދަކު މި ގާނޫނުގައި ބިލް އޮފް އެކްސްޗޭންޖާ ގުޅޭގޮތުން ހުރި މާއްދާތައް ޕްރޮމިސަރީ ނޯޓްގެ މައްޗަށްވެސް ހިންގޭނެއެވެ.

 

36 ވަނަ މާއްދާ

ބިލް އޮފް އެކްސްޗޭންޖް އެ ރައްދުވާ ފަރާތަށް ހުށަހެޅުމާއި އަދި ބިލް އޮފް އެކްސްޗޭންޖް ރައްދުވާ ފަރާތުން އެގަބޫލުކުރުމާ ބެހޭ ގޮތުން ކަނޑައެޅިފައިވާ އުސޫލުތައް، ޕްރޮމިސަރީނޯޓްގެ މައްޗަކަށް ނުހިންގޭނެއެވެ.

 

 

ޗެޕްޓަރ 5

(އާންމުބައި)

 

37 ވަނަ މާއްދާ - ނުބައި ނިޔަތެއް ނެތި ކަމެއްކުރުން

މި ގާނޫނުގައި ބުނާގޮތުން ނުބައި ނިޔަތެއްނެތި ކަމެއްކުރި ކަމަށް ބެލޭނީ ހަގީގަތުގައި ތެދުވެރި ކަމާއެކު އެކަމެއް ކުރުމުންނެވެ. ފަރުވާކުޑަަކުރުމުގެ ސަބަބުން ދިމާވާ ކަމަކީ ނުބައި ނިޔަތެއްގައި ކުރި ކަމެއްކަމަކަށް ނުބެލޭނެއެވެ.

 

38 ވަނަ މާއްދާ - އިހްތިރާމް ނުކުރި ކަން ކަށަވަރު ކޮށް ދިނުން

ޕްރޮމިސަރީނޯޓެއް ނުވަތަ ބިލް އޮފް އެކްސްޗޭންޖެއް ގަބޫލުކުރޭތޯ ހުށަހެޅުމުން ނުވަތަ ފައިސާއަށް އެދި ހުށަހެޅުމުން ރައްދުވާ ފަރާތުން އެ ނޯޓްގައި ނުވަތަ އެ ބިލްގައިވާ އަމުރަށް އިހްތިރާމް ނުކޮށްފިނަމަ އެކަން ހުއްދަ ލިބިފައިވާ ގާނޫނީ ވަކީލަކަށް އެންގިދާނެއެވެ. އަދި މިކަން ހުއްދަލިބިފައިވާ ގާނޫނީ ވަކީލަކަށް އެންގުމުން އެ ނޯޓްގައި ނުވަތަ އެ ބިލްގައި ނުވަތަ އެއާ އެޓޭޗް ކުރެވޭ ކަރުދާހެއްގައި އެ ބިލަށް ނުވަތަ އެ ނޯޓަށް އިހްތިރާމް ނުކުރިކަމަށް ހުއްދަ ލިބިފައިވާ ގާނޫނީ ވަކީލަކަށް ލިޔެ ކަށަވަރު ކޮށްދެވިދާނެއެވެ. މިފަދައިން ކަށަވަރުކޮށްދޭ ކަށަވަރު ކޮށްދިނުމަކީ އެ ބިލަށް ނުވަތަ އެ ނޯޓަށް އިހްތިރާމް ނުކުރި ދުވަހުން ފެށިގެން އެކަށިގެންވާ މުއްދަތެއްގެ ތެރޭގައި ކޮށްދޭ ކަމަކަށް ވާންވާނެއެވެ. އަދި އިހްތިރާމް ނުކުރުމުގެ ގޮތުން ކަންކުރިގޮތެއް ނުވަތަ އެކަން ދޭހަވާ ގޮތަށް ކުރިކަމެއް އަދި އެކަން ހިނގި ތާރީހެއް ނޯޓްކޮށް ސޮއި ކުރަންވާނެއެވެ.

މި މާއްދާގައި ބުނެފައިވާ ކަންތައްތައް ކުރުމަށް، ހުއްދަ ލިބިފައިވާ ގާނޫނީ ވަކީލަކު ލިބެންނެތް ހާލަތެއްގައި، ހުއްދަ ލިބިފައިވާ ގާނޫނީ ވަކީލަކު ކުރުމަށް މި މާއްދާގައި ބުނާ ކަންތައްތައް، ހެކިބަސް ގަބޫލުކުރެވޭ ދެމީހަކު ކުރުމުން ފުދޭނެއެވެ.

 

39  ވަނަ މާއްދާ - އެކައުންޓުގައި ފައިސާ ނެތުމުގެ ސަބަބުން ޗެކަށް ފައިސާ ނުލިބުން

(ހ) މި ގާނޫނުގައިވާ ގޮތުގެމަތިން ޗެކަކަށް ފައިސާ ނެގުމަށް، އެ ޗެކެއްގައިވާ ތާރީހުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި ބޭންކަށް ހުށަހެޅުމުން، ޗެކް ދޫކުރި އެކައުންޓުގައި ފައިސާ ނެތުމުގެ ސަބަބުން ނުވަތަ އެ ޗެކުގައިވާ އަދަދަށް ފައިސާ ލިބޭނެގޮތް ހަމަޖައްސައިދީފައި ނުވުމުގެ ސަބަބުން އެ ޗެކަށް ފައިސާ ދެވެން ނެތްކަން އެ ޗެކް ހުށަހެޅި ފަރާތަށް ބޭންކުން އަންގާ ދުވަހުން ފެށިގެން 1 މަސްދުވަހުގެ ތެރޭގައި، ޗެކަށް ފައިސާ ލިބެންވީ ފަރާތުން، އެ ޗެކުގައިވާ އަދަދަށް ފައިސާ ދިނުމަށް އެ ޗެކް ދޫކުރި ފަރާތަށް ލިޔުމަކުން އެންގުމުން، އެ އެންގުން އަންގާ ދުވަހުން ފެށިގެން 7 ދުވަހުގެ ތެރޭގައި އެ ޗެކުގައިވާ އަދަދަށް ފައިސާ ނުދީފިނަމަ، އެ ޗެކް ދޫކުރިފަރާތް ކުށްވެރިވާނެއެވެ. މިގޮތުން، ޗެކެއް ދޫކުރީ ކުންފުންޏެއް ނުވަތަ އެނޫންވެސް ޖަމާއަތެއްގެ ފަރާތުން ކަމަށްވާނަމަ، ކުށްވެރިވާނީ އެކުންފުންޏެއް ނުވަތަ ޖަމާއަތެއް ހިންގުމުގައި އެންމެ އިސްކޮށް ހުރި މީހަކު ނުވަތަ އެ ޗެކެއްގައި ސޮއިކުރި މީހަކު ނުވަތަ ބައެކެވެ.

އަދަބު

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުށްވެރިވެއްޖެ މީހެއްގެ އަދަބަކީ 6 މަހާއި، 2 އަހަރާ ދެމެދުގެ މުއްދަތަކަށް އަރުވާލުން ނުވަތަ ޖަލަށްލުމެވެ.

 

40 ވަނަ މާއްދާ - ހިންގާފަރާތް

މިގާނޫނުގައިވާ ކަންތައްތައް ހިންގުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތައް ހަދާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީންނެވެ.

 

41 ވަނަ މާއްދާ - މާނަ

މި ގާނޫނުގައި:

(ހ) އަތުގެ ވެރިޔާއޭ ބުނެފައިވަނީ ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމެއް މި ގާނޫނުގައި ކަނޑައެޅިފައިވާ ގޮތެއްގެ މަތިން ލިބިފައިވާ ފަރާތަކަށެވެ.

(ށ) ހުއްދަ ލިބިފައިވާ ގާނޫނީ ވަކީލަކުކަމަށް ބުނެފައިވަނީ، ށަރުއީ ކޯޓްތަކުގައި ވަކާލާތުކޮށް، ގާނޫނީ ލަފާދީ އަދި ގާނޫނީ އެކި ލިޔުން ލިޔެދިނުމަށް ކަމާބެހޭ ރަސްމީ ފަރާތަކުން ހުއްދަ ދީފައިވާ ކޮންމެ ގާނޫނީ ވަކީލަކަށެވެ.

(ނ) "އިންޑޯސްކުރުން" ކަމުގައި ބުނެފައި އެވަނީ ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމެއްގެ އަތުގެ ވެރިޔާއަށް ލިބިދޭ ހައްގުތައް އެހެން ފަރާތަކަށް ދިނުމުގެ ގޮތުން އެލިއުމުގައި ނަންޖަހައި ސޮއިކޮށްް އެ ފަރާތަކަށް ރައްދުކުރުމަށެވެ.

(ރ) "ކްރޮސްކުރުން" ކަމުގައި ބުނެފައި އެވަނީ ޗެކެއްގެ ހެޔޮފުށުގެ އެއްކަނެއްގައި ކައްޗަށް ދެ ރޮނގުދެމުމަށެވެ.

"ހާއްސަގޮތުގައި ކްރޮސްކުރުން" ކަމުގައި ބުނެފައިއެވަނީ ޗެކްގައި ކްރޮސްކުރުމުގެ ގޮތުން ދަމާފައިވާ ދެރޮނގު ދޭތެރޭގައި ފައިސާ ލިބެންވީ ބޭންކެއްގެ ނަން ލިޔުމަށެވެ.

"އާންމުގޮތުގައި ކްރޮސްކުރުން" ކަމުގައި ބުނެފައި އެވަނީ ޗެކްގައި ކްރޮސް ކުރުމުގެ ގޮތުން ދަމާފައިވާ ދެރޮނގު ދޭތެރޭގައި ފައިސާ ލިބެންވީ ބޭންކެއްގެ ނަންފިޔަވައި އެހެން އެއްޗެއް ލިޔެފައި ނުވަތަ ވަކިއެއްޗެއް ނުލިޔެ އަޮންނަ އޮތުމަށެވެ.

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު