މުދާ ގަންނަ ފަރާތްތަކާއި ހިދްމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމުގެ ގާނޫނު
(ގާނޫނު ނަންބަރު 1996-01)
(މި ގާނޫނުވަނީ ގާނޫނު ނަންބަރު 2020-12 އިން އުވާލެވިފައި)
1 ވަނަ މާއްދާ – ތައާރުފު
މިގާނޫނަކީ، މުދާގަންނަ ފަރާތްތަކާއި ހިދްމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތައް އެކަށައަޅައި، އެހައްގުތައް ހިމާޔަތް ކުރުމުގެ ގާނޫނެވެ. މިގާނޫނަށް ކިޔާނީ "މުދާ ގަންނަ ފަރާތްތަކާއި ހިދްމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމުގެ ގާނޫނު" އެވެ.
2 ވަނަ މާއްދާ – މުދާވިއްކުމާއި ހިދްމަތްދިނުމުގައި ނަހަމަގޮތެއްގައި ވަކިފަރާތެއް ތަފާތު ނުކުރުން
އެހެން ގާނޫނަކުން ވަކިގޮތަކަށް ކަނޑަނާޅާހައި ހިނދަކު، ވިޔަފާރިކުރާ ތަނަކުން އެތަނަކުން ވިއްކާމުދަލެއް ވިއްކުމުގައި، ނުވަތަ ހިދްމަތް ދޭފަރާތަކުން އެފަރާތަކުންދޭ ހިދްމަތެއް ދިނުމުގައި، ނަހަމަގޮތެއްގައި ވަކިފަރާތެއް ތަފާތު ކޮށްގެން ނުވާނެއެވެ. އަދި އެފަދަ ގޮތެއްގައި، މުދަލެއް ވަކިފަރާތަކަށް ނުވިއްކުމާއި ހިދްމަތެއް ވަކި ފަރާތަކަށް ނުދިނުމަކީ ކުށެކެވެ.
3 ވަނަ މާއްދާ - މުދާ ނުވިއްކާ ބެހެއްޓޭ ހާލަތްތައް
ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި މެނުވީ، ވިޔަފާރި މުދާ، އެތަކެތި ގަންނަން އެދޭ މީހުންނަށް ނުވިއްކާ ބެހެއްޓުމަކީ މަނާކަމެކެވެ.
(ހ) އެމުދަލެއް ވިއްކުން ގާނޫނަކުން މަނާކޮށްފައިވުން.
(ށ) ހިސާބުކުރުން ފަދަ ކަމަކަށް ވަގުތީގޮތުން މުދާނުވިއްކާ ބެހެއްޓުމަށް މިނިސްޓްރީ އޮފް ޓްރޭޑް އިންޑަސްޓްރީޒް އެންޑް ލޭބަރުގެ ހުއްދަ ލިބިފައިވުން.
(ނ) މުދަލެއް ގަންނަން އައި މީހާއަށް އެފަހަރު އެކަށީގެންވާ އަދަދަކަށް އެމުދަލެއް ވިއްކާފައިވުން.
(ރ) ގަނޑުކޮށްމުދާ ވިއްކާ ފަރާތެއްގައި، އެފަރާތަކުން އާންމުކޮށް ވިއްކާ އަދަދަށްވުރެ މަދު އަދަދަކަށް މުދާ ގަންނަން އެދުން.
4 ވަނަ މާއްދާ - މުދަލުގެ އަގު ލިޔެފައި ބެހެއްޓުން
މިނިސްޓްރީ އޮފް ޓްރޭޑް އިންޑަސްޓްރީޒް އެންޑް ލޭބަރުންއިސްތިސްނާކުރާ މުދަލެއް ފިޔަވައި، ވިޔަފާރި މުދާ ވަކިން ވިއްކާނަމަ ވަކިން ވިއްކާ އަގު، ގަނޑުކޮށް ވިއްކާނަމަ ގަނޑުކޮށް ވިއްކާ އަގު، މުދަލުގައި ނުވަތަ މުދާވިއްކާ ތަނަށް ވަންނަ މީހުންނަށް، ފަސޭހައިން ފެންނާނެ ގޮތަކަށް އެތަނެއްގައި ލިޔެފައި ބަހައްޓަންވާނެއެވެ. މުދާގަންނަ މީހާ އެއަގަށް މުދާ ވިއްކަން އެދުމުން، އެއަށްވުރެ މުދާ އަގުބޮޑުކޮށްގެން ނުވާނެއެވެ.
5 ވަނަ މާއްދާ – އަގުދިނުން ފިޔަވައި އިތުރު ށަރްތަކާއެކު މުދާ ނުވިއްކުން
އެއްވެސް ވިޔަފާރި މުދަލެއް ގަންނަމީހާ، އެމުދަލާއެކު އެހެން މުދަލެއް ގަތުން ށަރްތުކޮށް، ނުވަތަ އެމުދަލެއް ގަތުމަށްޓަކައި އެމުދަލެއްގެ އަގުދިނުމުގެ އިތުރަށް އެހެންކަމެއް ކުރުން ށަރްތުކޮށް މުދާވިއްކަން ހުށަހެޅުމަކީ ނުވަތަ ވިއްކުމަކީ މަނާކަމެކެވެ. މުދާ އުފައްދާފައިވާ ފަރާތުން ނުވަތަ ވިއްކުމަށްޓަކައި މުދާ ފޮނުވައިދީފައިވާ ފަރާތުން އެއްވައްތަރެއްގެ އެކައްޗަށްވުރެ ގިނަތަކެތި އެއްކޮށް ނުވަތަ އެއްބާވަތަށްވުރެ ގިނަބާވަތްތަކުގެ ތަކެތި އެއްކޮށް ބަންދުކޮށްފައި ވިއްކަން ނެރެފައިވާނަމަ އެގޮތަށް އެތަކެތި ވިއްކުމަކަށް ނުވަތަ ވަކިން ގަންނަން އެދޭމީހަކަށް، ވަކިން ގަންނަން ލިބެންހުންނަ މުދަލެއް، އެހެން މުދަލަކާއި ނުވަތަ މުދާތަކަކާއެކު ބަންދުކޮށްގެން ވިއްކުމަކަށް މިމާއްދާ ހުރަހެއްނާޅައެވެ.
6 ވަނަ މާއްދާ - ހިދްމަތުގެ އަގާއި ށަރްތުތައް އެނގެންހުރުން
(ހ) ހިދްމަތްދޭ ފަރާތުން ހިދްމަތްދޭ އަގާއި، ވަކި ށަރްތު ތަކެއްގެ މަތިން ދޭހިދްމަތެއްނަމަ، އެ ށަރްތުތައް ދިވެހިބަހުން ލިޔެފައި ފަސޭހައިން ފެންނާނެގޮތަކަށް ހިދްމަތްދޭ ތަނުގައި ބަހައްޓަންވާނެއެވެ. ނުވަތަ ހިދްމަތަށް އެދޭމީހާ ބޭނުންނަމަ، މިމައްލޫމާތު ހިމެނޭ ލިޔުމެއް ހިދްމަތްދޭތަނުން އެމީހަކަށް ލިބޭގޮތަށް ހަމަޖެހިފައި އޮންނަންވާނެއެވެ.
(ށ) ހިދްމަތަށް އެދި ފުރަންޖެހޭ އެއްވެސް ފޯމެއް ބޭރުބަހަކުން އޮތްނަނަމަ، އެފޯމު ފުރުމާބެހޭ ހުރިހާކަމެއް ދިވެހިބަހުންވެސް ކުރެވޭގޮތަށް ހަމަޖެހިފައި އޮންނަންވާނެއެވެ.
7 ވަނަ މާއްދާ - އަގު ކޮންޓްރޯލް ކުރުން
(ހ) ރާއްޖޭގައި ވަކިބާވަތެއްގެ ވިޔަފާރި މުދަލެއް އެއިރަކު ލިބެންހުރި ގޮތަކުން، ނުވަތަ ރާއްޖޭގެ އިގްތިސާދީ ހާލަތު އެއިރަކު އޮންނަ ގޮތަކުން، ރާއްޖޭގައި ވިއްކާ ވިޔަފާރި މުދަލެއްގެ އަގު ކޮންޓްރޯލް ކުރުމަށް މިނިސްޓްރީ އޮފް ޓްރޭޑް އިންޑަސްޓްރީޒް އެންޑް ލޭބަރަށް ފެނިއްޖެ ހިނދެއްގައި އެމުދަލެއްގެ އަގު ކޮންޓްރޯލް ކުރުމާއި، މުދާ އުފުލުމުގެ ހަރަދަށްބަލައި، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކޮންޓްރޯލް އަގު ތަފާތުކުރުމުގެ އިހްތިޔާރު މިނިސްޓްރީ އޮފް ޓްރޭޑް އިންޑަސްޓްރީޒް އެންޑް ލޭބަރަށް ލިބިގެންވެއެވެ.
(ށ) ރާއްޖޭގައި ދެވޭ ހިދްމަތެއްގެ ބޭނުންތެރިކަން އޮތްގޮތަކުން، ނުވަތަ ރާއްޖޭގެ އިގްތިސާދީ ހާލަތު އެއިރަކު އޮންނަގޮތަކުން، ރާއްޖޭގައި ދެވޭ ހިދްމަތެއްގެ އަގު ކޮންޓްރޯލްކުރުމަށް އެހިދްމަތަކާބެހޭ މިނިސްޓްރީ އަކަށް ފެނިއްޖެހިނދެއްގައި، އެހިދްމަތެއްގެ އަގު ކޮންޓްރޯލްކުރުމާއި އެހިދްމަތެއް ދިނުމުގެ ހަރަދަށް ބަލައި، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކޮންޓްރޯލް އަގު ތަފާތު ކުރުމުގެ އިހްތިޔާރު އެ ހިދްމަތަކާބެހޭ މިނިސްޓްރީއަކަށް ލިބިގެންވެއެވެ.
(ނ) މިމާއްދާގެ (ހ) ގެ ދަށުން އަގު ކޮންޓްރޯލް ކުރެވޭ އެއްވެސް މުދަލެއް ކޮންޓްރޯލް އަގަށް ވުރެ ބޮޑު އަގަކަށް ވިއްކުމާއި، މިމާއްދާގެ (ށ) ގެ ދަށުންއަގު ކޮންޓްރޯލް ކުރެވޭ އެއްވެސް ހިދްމަތެއް، ކޮންޓްރޯލް އަގަށްވުރެ ބޮޑު އަގަކަށް ދިނުމަކީ، މަނާކަމެކެވެ.
8 ވަނަ މާއްދާ - މުދާ ވިއްކުމާއި ހިދްމަތްދިނުމާއި އިށްތިހާރު ކުރުމުގައި މަނާ ކަންތައްތައް
ވިޔަފާރި މުދާވިއްކުމުގައި، ނުވަތަ ވިއްކުމަށްޓަކައި މުދާ ފޮނުވައި ދިނުމުގައި، ނުވަތަ ހިދްމަތް ދިނުމުގައި، ނުވަތަ މުދާ ނުވަތަ ހިދްމަތް އިށްތިހާރު ކުރުމުގައި، ތިރީގައިމިވާ އެއްވެސްކަމެއް، ބަހަކުން ނުވަތަ އަމަލަކުންވިޔަސް، ކުރުމަކީ ނުވަތަ ކުރުވުމަކީ މަނާކަމެކެވެ.
(ހ) މީހަކު މުދަލެއް ގަންނަން އެދުމުން ގަންނަން އެދުނުމީހާއަށް އޮޅުވާލައިގެން އެމީހަކު ގަންނަންއެދުނު މުދާނޫން މުދަލެއް އެމީހަކަށް ވިއްކުން ނުވަތަ މީހަކު ހިދްމަތަކަށް އެދުމުން ހިދްމަތަށް އެދުނުމީހާއަށް އޮޅުވާލައިގެން އެމީހަކު އެދުނު ހިދްމަތްނޫން އެހެން ހިދްމަތެއް ދިނުން.
(ށ) މުދަލަކީ ވަކިފެންވަރެއްގެ ނުވަތަ ވަކިހާއްސަ ސިފައެއްގެ ނުވަތަ ވަކިމޮޑެލެއްގެ އެއްޗެއްކަމަށް ހަގީގަތާ ހިލާފަށް ބަޔާންކުރުން ނުވަތަ ދެއްކުން.
(ނ) ހިދްމަތަކީ، ވަކިފެންވަރެއްގެ ހިދްމަތެއްކަމަށް ހަގީގަތާ ހިލާފަށް ބަޔާންކުރުން.
(ރ) މުދަލަކީ، އާ ނުވަތަ ބޭނުންނުކުރާ މުދަލެއްކަމަށް ހަގީގަތާ ހިލާފަށް ބަޔާންކުރުން ނުވަތަ ދެއްކުން.
(ބ) މުދާވިއްކާ ފަރާތަކީ، ނުވަތަ ހިދްމަތްދޭ ފަރާތަކީ، ވަކިފަރާތެއްގެ ރުހުން ލިބިފައިވާ، ނުވަތަ ވަކިފަރާތަކާ ގުޅިފައިވާ ފަރާތެއްކަމަށް، ނުވަތަ މުދަލަކީ ވަކިފަރާތަކުން އުފައްދާފައިވާ މުދަލެއްކަމަށް، ހަގީގަތާ ހިލާފަށް ބަޔާންކުރުން ނުވަތަ ދެއްކުން.
(ޅ) ހަގީގަތާ ހިލާފަށް، ނުވަތަ ހަގީގަތް އޮޅޭގޮތަށް މުދަލެއްގެ ނުވަތަ ހިދްމަތެއްގެ އަގުހެޔޮވެއްޖެކަމަށް ބަޔާންކުރުން ނުވަތަ ދެއްކުން.
(ކ) ހަގީގަތާ ހިލާފަށް، ނުވަތަ ހަގީގަތް އޮޅޭގޮތަށް، މުދަލެއްގެ ނުވަތަ ހިދްމަތެއްގެ ބޭނުން ބަޔާންކުރުން. ނުވަތަ އެތަނެއްގައި ނެތްމުދަލެއް ވިއްކަންހުރިކަމަށް، ނުވަތަ އެތަނަކުން ނުދޭ ހިދްމަތެއް، ދެވެންހުރިކަމަށް އިށްތިހާރުކުރުން.
(އ) ހަގީގަތާ ހިލާފަށް، ނުވަތަ ހަގީގަތް އޮޅޭގޮތަށް، މުދަލެއްގެ ގަރަންޓީއިން ނުވަތަ ވޮރަންޓީއިން ލިބޭ ފައިދާތައް ބަޔާން ކުރުން ނުވަތަ ދެއްކުން.
9 ވަނަ މާއްދާ – މުދަލެއް ހަލާކުވެފައިވާނަމަ ކުރިން އެކަން އެންގުން
ވިޔަފާރި މުދަލަކީ ހަލާކުވެފައިހުރި މުދަލެއްނަމަ، ނުވަތަ އެމުދަލަކީ ފުރިހަމައަށް ބޭނުން ނުކުރެވޭފަދަ ގޮތެއްގައިވާ މުދަލެއްނަމަ، އެމުދަލެއް ގަންނަ ފަރާތަކަށް، އެމުދަލެއް ވިއްކުމުގެ ކުރިން އެކަން އަންގަންވާނެއެވެ.
10 ވަނަ މާއްދާ - މުދާ ދެއްކުމާއި ޓެސްޓްކޮށްދިނުން
ވިޔަފާރި މުދަލަކީ ހަލާކުވެފައިނުވާ، އަދި އެއްވެސްކަހަލަގެއްލުމެއް ލިބިފައިނުވާ މުދަލެއްކަން ދެނެގަތުމަށްޓަކައި، އެމުދަލެއް ގަންނަ ފަރާތަކުން އެމުދަލެއް ބަލައި، ޓެސްޓްކުރަން އެދިއްޖެނަމަ، އެފަރާތަކަށް އެމުދަލެއް ދައްކައި، އަދި އެމުދަލަކީ ޓެސްޓް ކުރެވޭ ބާވަތުގެ މުދަލެއްނަމަ، އެފަރާތެއްގެ ހާޒިރުގައި އެމުދަލެއް ޓެސްޓް ކޮށްދޭންވާނެއެވެ.
11 ވަނަ މާއްދާ – ހަލާކުވެފައިވާކަން ގަތުމުގެ ފަހުން އެނގޭ މުދާ
ވިޔަފާރި ރޫޅާލުމާމެދު، ވިޔަފާރި މުދާ ވިއްކި ފަރާތާއި ގަތްފަރާތާ ދެމެދު ވަކިގޮތަކަށް އެއްބަސްނުވެ މުދާ ގަތުމަށްފަހު، އެމުދަލަކީ ހަލާކުވެފައިވާ މުދަލެއްކަން އެނގިގެން، އެމުދަލެއް ގަތުމަށްފަހު 24 ގަޑިއިރުގެ ތެރޭގައި ވިއްކި ފަރާތަށް މުދާ ރައްދުކޮށް، އެމުދަލުގައި ހުރި އުނިސިފަ މުދާ ވިއްކިފަރާތަށް ބަޔާންކޮށްދިނުމަށްފަހު، އެމުދަލެއް ގަތުމަށް ދިން އަގު، ނުވަތަ އެމުދަލުގެ ބަދަލުގައި ހަމަ އޭގެ މުދަލެއް، ލިބިގަތުމުގެ ހައްގު، މުދާ ގަތްފަރާތަށް ލިބިގެންވެއެވެ.
12 ވަނަ މާއްދާ – ބަންދުކޮށްފައިވާ ކާބޯތަކެތީގެ ތަފްސީލާއި ބޭނުން ކުރަންޖެހޭ މުއްދަތު ބޭރުގައިލިޔުން
ވިއްކުމަށްޓަކައި ރާއްޖެއަށް އިމްޕޯޓްކޮށްފައި، ނުވަތަ ރާއްޖޭގައި އުފައްދާފައިހުންނަ، ޕެކެޓްކޮށް ނުވަތަ ދަޅުގައި ނުވަތަ ފުޅީގައި ބަންދުކޮށްފައިވާ ކާބޯތަކެތީގެ ބާވަތްތަކުގައި، އެއީ ކޮންބާވަތެއްގެ އެއްޗެއްކަމާއި، އޭގައި ހިމެނޭ ބައިތަކާއި، ބަރުދަން ނުވަތަ މިންވަރު، އަދި އުފެއްދި ތާރީހާއި، އެ އެއްޗެއް ބޭނުންކުރުމަށް މުއްދަތެއް ކަނޑައެޅިފައި ވާނަމަ އެމުއްދަތާއި، ވަކިގޮތަކަށް ބޭނުން ކުރަންޖެހޭ އެއްޗެއްނަމަ، ބޭނުންކުރަންޖެހޭގޮތް، އެތަކެތީގައި ނުވަތަ އެތަކެތި ބަންދުކޮށްފައިވާ ދަޅު، ފުޅި، ޕެކެޓް ނުވަތަ ފޮށީގައި، މިނިސްޓްރީ އޮފް ޓްރޭޑް އިންޑަސްޓްރީޒް އެންޑް ލޭބަރުން ކަނޑައަޅާ ގަވާއިދާ އެއްގޮތްވާގޮތުގެމަތިން ލިޔެފައި ހުންނަންވާނެއެވެ.
13 ވަނަ މާއްދާ – ބޭނުންކުރަންޖެހޭ މުއްދަތު ހަމަވެފައިވާ ތަކެތި ނުވިއްކުން
ބޭނުންކުރުމަށް ވަކިމުއްދަތެއް ކަނޑައެޅިފައި ހުންނަ ތަކެތި، އެމުއްދަތު ހަމަވުމަށްފަހު ވިއްކަން ބެހެއްޓުމާއި، ވިއްކުމާއި، އަދި ހަލާކުވެ ނުވަތަ ނުބައިވުމުގެ ސަބަބުން އިންސާނުން ކެއުމަށް ނުވަތަ ބުއިމަށް އެކަށީގެންނުވާ ކާބޯތަކެތި، ވިޔަފާރިކުރާ އެއްވެސްތަނެއްގައި ބެހެއްޓުމަކީ މަނާކަމެކެވެ.
14 ވަނަ މާއްދާ - ރަސީދު ދިނުން
ވިޔަފާރި މުދަލެއް ވިއްކިކަމުގެ ރަސީދެއް، ނުވަތަ ހިދްމަތެއް ދިންކަމުގެ ރަސީދެއް ހޯދުމަށް އެ މުދަލެއް ގަތްފަރާތަކުން ނުވަތަ އެހިދްމަތެއް ލިބިގަތް ފަރާތަކުން އެދިއްޖެނަމަ، ތިރީގައިމިވާ މައްލޫމާތު ހިމެނޭ ރަސީދެއް މުދާ ވިއްކި ނުވަތަ ހިދްމަތް ދިން ފަރާތުން މުދާގަތް ނުވަތަ ހިދްމަތް ލިބިގަތް ފަރާތަށް ދޭންވާނެއެވެ.
- މުދަލުގެ ނުވަތަ ހިދްމަތުގެ ނަމާއި، އަދަދާއި، ބާވަތް.
- މުދަލުގެ ނުވަތަ ހިދްމަތުގެ އަގު.
- މުދާ ވިއްކި ނުވަތަ ހިދްމަތް ދިން ތާރީހު.
- މުދާ ވިއްކި ފަރާތުގެ، ނުވަތަ ހިދްމަތް ދިން ފަރާތުގެ، ފުރިހަމަ ނަމާއި އެޑްރެސް.
15 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން
(ހ) މިގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި ހިންގާނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތަކުން ނުވަތަ ފަރާތްތަކަކުންނެވެ.
(ށ) މިގާނޫނާއި މިގާނޫނުގެ ދަށުންހެދޭ ގަވާއިދުތަކާ އެއްގޮތަށް، ވިޔަފާރިކުރާ ތަންތަނުންނާއި، ހިދްމަތްދޭ ތަންތަނުންނާއި، ފަރާތްތަކުން އަމަލުކުރަމުން ގެންދޭތޯ ބެލުމުގެ އިހްތިޔާރު، ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކަށް ލިބިގެންވެއެވެ.
16 ވަނަ މާއްދާ – އަދަބު
(ހ) މިގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފިނަމަ ނުވަތަ މިގާނޫނާ ހިލާފުވެއްޖެނަމަ ކުށްކުރާ ނުވަތަ ގާނޫނާ ހިލާފުވާ ފަރާތެއް ފުރަތަމަ ފަހަރު 5،000(ފަސްހާސް) ރުފިޔާ އާއި 100،000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން، ކުށް ތަކުރާރުކޮށްފިނަމަ 5،000 (ފަސްހާސް) ރުފިޔާ އާއި 100،000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކަށް ލިބިގެންވެއެވެ.
(ށ) މިމާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ޖޫރިމަނާކުރުމަށްފަހު މިގާނޫނާ ހިލާފަށް ކޮށްފައިވާ ކަމެއް ރަނގަޅުކުރުމަށް ދީފައިވާ މުއްދަތުގައި އެކަމެއް ރަނގަޅުނުކުރިނަމަ ނުވަތަ ކުށް ތަކުރާރުކޮށްފިނަމަ މިމާއްދާގެ (ހ) ގައިބަޔާންކޮށްފައިވާ ޖޫރިމަނާކޮށް އެތަނެއް 6 މަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ބަންދުކުރުމުގެ ނުވަތަ އެތަނަކަށް ނުވަތަ އެފަރާތަކަށް ދޫކޮށްފައިވާ ވިޔަފާރި ކުރުމުގެ ނުވަތަ ހިދްމަތްދިނުމުގެ ހުއްދަ 6 މަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ބާތިލުކުރުމުގެ އިހްތިޔާރު، އެކަމަކާބެހޭ ސަރުކާރުގެ މިނިސްޓްރީއަކަށް ލިބިގެންވެއެވެ.
17 ވަނަ މާއްދާ – އިސްތިސްނާ
ނީލަމުގައި ހިނގާ ވިޔަފާރީގެ މުއާމަލާތްތައް މިގާނޫނުން އިސްތިސްނާ ވާނެއެވެ.
18 ވަނަ މާއްދާ – މާނަ
މިގާނޫނުގައި:-
(ހ) ހިދްމަތް ކަމަށް ބުނެފައިވަނީ، ވިޔަފާރީގެ އުސޫލުން އަގެއް ނަގައިގެން ދެވޭ ހިދްމަތަށެވެ.
(ށ) ވިޔަފާރި މުދާ ކަމަށް ބުނެފައިވަނީ، ވިޔަފާރިކުރާ ތަންތަނުގައި ވިޔަފާރި ކުރުމަށް ބަހައްޓާފައިހުންނަ މުދަލަށެވެ.
(ނ) ވިޔަފާރި މުދާ އެގަންނަން އެދޭ މީހުންނަށް ނުވިއްކާ ބެހެއްޓުން ކަމަށް ބުނެފައިވަނީ، ހުރިމުދަލެއް ނެތްކަމަށް ބުނުމަށާއި، ވިޔަފާރީގެ އުސޫލުން، އެއިރެއްގައި އާންމުކޮށް ގަންނަންލިބޭ އަގަކަށް ނުވިއްކާ ބެހެއްޓުމަށާއި، ވިޔަފާރި މުދަލެއް ފިހާރައިގައި ނުވަތަ އެހެންވެސް ތަނެއްގައި، ގަންނަން ބޭނުންވާ މީހުންނަށް ނުވިއްކާ ގޮތަށް ބެހެއްޓުމަށެވެ.
(ރ) ވޮރަންޓީ ނުވަތަ ގަރަންޓީ ކަމަށް ބުނެފައިވަނީ، އެމުދަލަކީ ވަކި ފެންވަރެއްގެ އެއްޗެއްކަމަށް، ނުވަތަ ވަކި މުއްދަތެއް ފާއިތުވަންދެން ހަލާކުނުވެހުންނާނެ އެއްޗެއްކަމަށް، އަދި ހަލާކުނުވާނެ ކަމަށް ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އެމުދަލެއް ހަލާކުވެއްޖެނަމަ އެއްވެސް އަގެއް ނެގުމަކާނުލައި އެމުދަލެއް މަރާމާތު ކޮށްދޭނެކަމަށް، ނުވަތަ އެމުދަލުގެ ބަދަލުގައި ހަމަ އޭގެ އެހެން އެއްޗެއް ދޭނެކަމަށް، ބަޔާންކޮށް އެއެއްޗެއް އުފައްދާފައިވާ ފަރާތަކުން ނުވަތަ ވިއްކާ ފަރާތަކުން ދޭ ލިޔުމަށެވެ.
19 ވަނަ މާއްދާ - އުވާލެވޭ ގާނޫނު
މިގާނޫނަށް އަމަލުކުރަން ފެށުމުން، ގާނޫނު ނަންބަރު 1978-57 (މުދާ ނުވިއްކާ ބެހެއްޓުން މަނާކުރުމާއި މުދަލުގެ އަގު ކޮންޓްރޯލް ކުރުމުގެ ގާނޫނު) އުވުނީއެވެ.
އުވި ގާނޫނު
ކިޔުންތެރިންގެ ހިޔާލު