އިލެކްޓްރޯނިކް މުއާމަލާތްތަކާބެހޭ ގާނޫނު
(ގާނޫނު ނަންބަރު 2022-02)
އެއްވަނަ ބާބު
ފެށުން
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ވިޔަފާރީގެ މުއާމަލާތްތައް ކުރުމުގައާއި އެނޫން ބޭނުންތަކުގައި އިލެކްޓްރޯނިކް ޒަރީއާއިން މުއާމަލާތުކުރުމާއި ޓްރަސްޓްގެ ހިދުމަތްތަކުގެ ބޭނުންކުރުން ކުރިއަރުވައި ތަރައްގީކުރުމަށްޓަކައި، އިލެކްޓްރޯނިކް މުއާމަލާތުގެ ސައްހަކަން ކަށަވަރުކުރެވޭނެ ނިޒާމެއް ގާއިމުކޮށް، އިލެކްޓްރޯނިކް ޒަރީއާއިން މުއާމަލާތުކުރުމުގައި އަމަލުކުރާނެ އުސޫލުތަކާއި ޓްރަސްޓްގެ ހިދުމަތްތަކުގެ ބޭނުންކުޭޭރުމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.
(ށ) މި ގާނޫނަށް ކިޔާނީ "އިލެކްޓްރޯނިކް މުއާމަލާތްތަކާބެހޭ ގާނޫނު" އެވެ.
2 ވަނަ މާއްދާ - މަގްސަދު
މި ގާނޫނުގެ މަގްސަދަކީ އަންނަނިވި ކަންކަން ހާސިލުކުރުމެވެ.
(ހ) އިލެކްޓްރޯނިކް ސޮއި އަދި ޓްރަސްޓްގެ ހިދުމަތްތައް ހިމެނޭ ގޮތަށް، ދިވެހިރާއްޖޭގައި އަދި ދިވެހިރާއްޖެއިން ބޭރުގައި ކުރެވޭ އިލެކްޓްރޯނިކް މުއާމަލާތްތަކަށް ގާނޫނީ ހައިސިއްޔަތު ދިނުން؛
(ށ) އިލެކްޓްރޯނިކް ސޮއި އަދި ޓްރަސްޓްގެ ހިދުމަތްތައް ހިމެނޭ ގޮތަށް، ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގައި ކުރެވޭ އިލެކްޓްރޯނިކް މުއާމަލާތްތަކުގެ ސައްހަކަން ގާނޫނީގޮތުން ކަށަވަރުކޮށްދިނުން؛
(ނ) ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގައި އިލެކްޓްރޯނިކް މުއާމަލާތްތައް ހިންގުމަށް މަގުފަހިކޮށްދީ، އެކަންކަމަށް ގާނޫނީގޮތުން ހުރި ހުރަސްތައް ނައްތާލުން؛ އަދ
(ރ) އިތުބާރު ހިފޭ ޓްރަސްޓްގެ ހިދުމަތްތައް މެދުވެރިކޮށް އިލެކްޓްރޯނިކް ޒަރީއާއިން މުއާމަލާތުކުރުން ކުރިއަރުވައި، އެފަދަ މުއާމަލާތުކުރުމުގައި އާންމުންގެ އިތުބާރު ގާއިމުކުރުން.
3 ވަނަ މާއްދާ - ގާނޫނު ހިންގ ނެ ދާއިރާ
(ހ) ޑޭޓާ މެސެޖުގެގޮތުގައި ހިމެނޭ ކޮންމެ މައުލޫމާތެއްގެ މައްޗަށް މި ގާނޫނު ހިނގާނެއެވެ.
(ށ) ދައުލަތުގެ މުއައްސަސާއެއްގެ މައްޗަށް މި ގާނޫނުގައި ބަޔާންކުރާ އުސޫލުތައް ހިނގާނީ، މި ގާނޫނު އެ މައްޗަށް ބިނާވެފައިވާ މައިގަނޑު އަސާސްތައްކަމުގައިވާ އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކުރުމުގައި ތަފާތުނުކުރުމުގެ އުސޫލާއި، ޓެކްނޮލޮޖީ ނިއުޓްރަލިޓީ ދެމެހެއްޓުމުގެ އުސޫލާއި، ފަންކްށަނަލް އިކުއިވެލަންސްގެ އުސޫލާ ހިލާފުނުވާނެ ގޮތުގެމަތިން، މިނިސްޓްރީގެ ލަފަޔާއެކު މި ގާނޫނުގެ ދަށުން އެ މުއައްސަސާއަކުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެމަތިންނެވެ.
(ނ) މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ގާނޫނީގޮތުން ލިބިދީފައިވާ އެއްވެސް ހައްގެއް ނުވަތަ ހިމާޔަތެއް ހަނިކުރެވޭ ފަދަ ގޮތަކަށް މި ގާނޫނުގެ އެއްވެސް މާއްދާއެއް މާނަކޮށްގެންނުވާނެއެވެ. އަދި، އެފަދަ ހައްގެއް ނުވަތަ ހިމާޔަތެއް ހަނިކުރެވޭ ފަދަ ގޮތަކަށް މި ގާނޫނުގެ އެއްވެސް މާއްދާއަކަށް އަމަލުކޮށްގެންނުވާނެއެވެ.
4 ވަނަ މާއްދާ - އިސްތިސްނާ
ބިލްސް އޮފް އެކްސްޗޭންޖް، ޕްރޮމިސަރީ ނޯޓްސް، ކޮންސައިންމަންޓް ނޯޓްސް،ބިލް އޮފް ލޭޑިންގ، ވެއަރހައުސް ރިސީޓް ނުވަތަ ބެއަރަރ ނުވަތަ ބެނިފިށަރީއަށް މުދާ ލިބިގަތުމަށް ނުވަތަ ފައިސާ ދެއްކުމަށް ލާޒިމުކުރުވާފަދަ އެހެން ޓްރާންސްފަރަބަލް ޑޮކިއުމަންޓް ނުވަތަ އިންސްޓްރުމަންޓްތަކުގެ މައްޗަކަށް މި ގާނޫނެއް ނުހިނގާނެއެވެ.
5 ވަނަ މާއްދާ - ބައިވެރިންނަށް ލިބިދ އިހްތިޔާރު
(ހ) މުއާމަލާތެއްގެ ބައިވެރިން މުއާސަލާތުކުރާނެ ވަކި ގޮތެއް ނުވަތަ އެ މުއާސަލާތާގުޅޭ ރިކޯޑު ބަލަހައްޓާނެ ވަކި ގޮތެއް ކަނޑައެޅުމުގައި އެ މުއާމަލާތެއްގެ ބައިވެރިންގެ އެއްބަސްވުން ނުވަތަ ރުހުން އޮތުން ލާޒިމުކުރާ އެއްވެސް ގާނޫނަކަށް ނުވަތަ ގާނޫނީ އިލްތިޒާމަކަށް، މި ގާނޫނުގެ ދެވަނަ ބާބު، ތިންވަނަ ބާބު އަދި ހަތަރުވަނަ ބާބު ހުރަހެއް ނާޅައެވެ. އަދި އެއްވެސް ގާނޫނަކުން ނުވަތަ ބައިވެރިންގެ މެދުގައި ވެވޭ އެއްބަސްވުމަކުން އެނޫން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، އެ މުއާމަލާތެއްގެ ބައިވެރިންގެ އެއްބަސްވުން ނުވަތަ ރުހުން އޮތްކަމަށް ކަނޑައަޅާނީ، ބައިވެރިންގެ އަމަލުތަކުގެ މައްޗަށް ބިނާކޮށެވެ.
(ށ) މުއާމަލާތެއްގެ ނުވަތަ އެއްބަސްވުމެއްގެ ބައިވެރިން ، އަންނަނިވި
ކަންކަން ކުރުމަކަށް މި ގާނޫނުގެ ދެވަނަ ބާބު ހުރަހެއް ނާޅައެވެ.
- އިލެކްޓްރޯނިކް ރިކޯޑު، ނުވަތަ އިލެކްޓްރޯނިކް ޒަރީއާއިން ކުރާ މުއާސަލާތު، ނުވަތަ އިލެކްޓްރޯނިކް ސޮއި ނުވަތަ އެނޫންވެސް ޓްރަސްޓްގެ ހިދުމަތެއް، އެ އެއްބަސްވުމެއްގައި ނުވަތަ ކުރެވޭ މުއާމަލާތެއްގައި ބޭނުން ނުކުރުމަށް އެއްބަސްވުން ؛ ނުވަތަ
- އެ އެއްބަސްވުން ނުވަތަ މުއާމަލާތެއް އޮންނަންވީ ގޮތް ކަނޑައެޅުމުގައި ނުވަތަ ޓްރަސްޓްގެ ހިދުމަތެއް ބޭނުންކުރުމުގައި، މި ގާނޫނުގައި ބަޔާންކުރާ ށަރުތުތަކުގެ އިތުރުން އެހެން ށަރުތުތައް ބައިވެރިން އެއްބަސްވާ ގޮތަކަށް ކަނޑައެޅުން.
(ނ) އެއްބަސްވުމެއްގެ ނުވަތަ މުއާމަލާތެއްގެ ބައިވެރިންގެ އެހެން ގާނޫނީ ހައްގަކަށް ނުވަތަ އިލްތިޒާމަކަށް އުނިކަމެއް ނާންނާނެ ގޮތެއްގެމަތިން އެ އެއްބަސްވުމުގެ ނުވަތަ މުއާމަލާތުގެ ބައިވެރިން، އެ އެއްބަސްވުމުގައި ނުވަތަ މުއާމަލާތުގައި އަންނަނިވި ކަންކަން ކުރުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.
- އެ މުއާމަލާތެއް ނުވަތަ އެއްބަސްވުމެއްގެ މައްޗަށް މި ގާނޫނުގެ 10 ވަނަ މާއްދާ ނުވަތަ 15 ވަނަ މާއްދާ ނުވަތަ 16 ވަނަ މާއްދާ ނުވަތަ 20 ވަނަ މާއްދާ ނުވަތަ 21 ވަނަ މާއްދާ ނުވަތަ 22 ވަނަ މާއްދާ ނުވަތަ 24 ވަނަ މާއްދާގައިވާ ކަންކަން ނުހިނގާނެކަމަށް އެއްބަސްވުން؛ ނުވަތަ
- މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މާއްދާތައް އެކުގައި ނުވަތަ އޭގެ ތެރެއިން ބައެއް މާއްދާތަކުގައި ބަޔާންކުރާ ކަންކަން އެ މުއާމަލާތެއްގެ މައްޗަށް ނުވަތަ އެ އެއްބަސްވުމެއްގެ މައްޗަށް ނުހިނގާނެކަމަށް، ނުވަތަ އެ މާއްދާތަކަށް ނުވަތަ އޭގެ ތެރެއިން ބައެއް މާއްދާތަކަށް އަމަލުކުރާނެ އުސޫލު ކަނޑައެޅުމަށް އެއްބަސްވުން.
6 ވަނަ މާއްދާ - އިނގިރޭސި ބަހާއި އިބާރާތާއި، މަފްހޫ މް ތައް
(ހ) މި ގާނޫނުގައި ބައެއް އިނގިރޭސި ބަހާއި އިބާރާތް ބޭނުންކޮށްފައި އެވަނީ، އެ ބަސްތަކަކީ ނުވަތަ އިބާރާތްތަކަކީ އިލެކްޓްރޯނިކް މުއާމަލާތުގެ ގާނޫނީ މަފްހޫމްތަކާ ގުޅޭ ގޮތުން ބޭނުންކުރަމުން އަންނަ ފަންނީ މާނަކުރުންތަކެއް ލިބިގެންވާ ބަސްތަކަކަށް ނުވަތަ އިބާރާތްތަކަކަށްވާތީ، ދިވެހިރާއްޖޭގައި އިލެކްޓްރޯނިކް ޒަރީއާއިން މުއާމަލާތުކުރުމާބެހޭ ގާނޫނީ އޮނިގަނޑު ބައިނަލްއަގްވާމީ މިންގަނޑުތަކާ ވީވަރަކުން އެއްގޮތަށް އެކުލަވާލައި ، ތަންފީޒުކުރުމަށް މަގުފަހިކުރުމުގެ ބޭނުމުގައެވެ.
(ށ) މި ގާނޫނުގައި ހިމެނޭ އިބާރާތްތަކާއި ލަފްޒުތަކަކީ ވަކި މާނައެއް ދީފައިވާ އަދި އިލެކްޓްރޯނިކް މުއާމަލާތްތަކާގުޅޭ ގާނޫނީ މައިގަނޑު މަފްހޫމްތައް އެ މައްޗަށް ބިނާވެގެންވާ ލަފްޒުތަކަކާއި އިބާރާތްތަކެކެވެ. އަދި މި ގާނޫނުގެ މާއްދާތަކުގައި އެ ލަފްޒުތަކާއި އިބާރާތްތައް އެގޮތަށް ބަޔާންކޮށްފައި އެވަނީ، މި ގާނޫނުގެ އަސްލު އެގޮތުގައި ދެމެހެއްޓުމަށާއި މި ގާނޫނުގެ މަގްސަދު އެންމެ ފުޅާމިނުގައި ހާސިލުކުރުމަށް މަގުފަހިކުރުމުގެ ބޭނުމުގައެވެ. މި ގާނޫނުގެ ހަމަ ކޮންމެ މާއްދާއެއްވެސް ކިޔަންވާނީ، ނުވަތަ މާނަކުރަންވާނީ، އެ މަފްހޫމްތަކަށް ހަނިކަމެއް ނާންނާނެ ގޮތުގެމަތިންނެވެ.
7 ވަނަ މާއދާ - މާނަކުރުމުގެ ހަމަތައް
(ހ) މި ގާނޫނަށް އަމަލުކުރުމުގައާއި މި ގާނޫނުގެ މާއްދާތައް މާނަކުރުމުގައި، އިލެކްޓްރޯނިކް މުއާމަލާތްތަކާގުޅޭ ބައިނަލްއަގްވާމީ ގާނޫނީ ނައްސުތަކަށާއި މިންގަނޑުތަކަށާއި، ދީމިގްރާތީ މުޖުތަމައުތަކުގައި އިލެކްޓްރޯނިކް މުއާމަލާތްތަކާގުޅޭ ގާނޫނުތައް މާނަކުރާ ހަމަތަކަށް ރިއާޔަތްކޮށް، ހަމަހަމަ އުސޫލުތަކެއް ގެންގުޅުމަށް ބާރުއަޅަންވާނެއެވެ.
(ށ) މި ގާނޫނުގެ ދާއިރާގައި ހިމެނޭ ކަންކަމުގެ ތެރެއިން، މި ގާނޫނުގައި ކަނޑައެޅިގެން ވަކިގޮތަކަށް ބަޔާންކޮށްފައިނުވާ ކަންކަން ހައްލުކުރާނީ މި ގާނޫނު އެ މައްޗަށް ބިނާވެފައިވާ އަސާސްތައްކަމަށްވާ ތަފާތުނުކުރުމާއި، ޓެކްނޮލޮޖީ ނިއުޓްރަލިޓީއާއި ފަންކްށަނަލް އިކުއިވެލަންސްގެ އަސާސްތައް ނެގެހެއްޓުމާއެކު، މި ގާނޫނުގައި ކަނޑައަޅާފައިވާ މައިގަނޑު އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
8 ވަނަ މާއްދާ - މުއާމަލާތުގެ ބައިވެރިން ގާއިމުވެހުރި ތަން
(ހ) މި ގާނޫނުގެ ބޭނުމަށްޓަކައި، މުއާމަލާތެއްގެ އެހެން ބައިވެރިއަކު އެކަން ނަފީނުކުރާހާ ހިނދަކު، އެ މުއާމަލާތުގެ ބައިވެރިއަކު ގާއިމުވެހުރި ތަންކަމަށް ބަލާނީ، އެ މުއާމަލާތެއް ހިންގިއިރު ގާއިމުވެފައި ހުރިކަމަށް އެ ބައިވެރިއަކު ބަޔާންކުރާ ތަނަކަށެވެ.
(ށ) މުއާމަލާތެއްގެ ބައިވެރިއަކު، އެ މުއާމަލާތް ހިންގިއިރު ގާއިމުވެހުރި ވަކި ތަނެއް އެ ބައިވެރި އަކު ބަޔާންކޮށްފައިނުވާނަމަ، އަދި މުއާމަލާތް ހިންގިއިރު އެ ބައިވެރިއަކު އެއް ތަނަށްވުރެ ގިނަ ތަންތަނުގައި ގާއިމުވެފައިވާނަމަ، މި ގާނޫނުގެ ބޭނުމަށްޓަކައި ، އެ މުއާމަލާތެއް ހިންގިއިރު އެ ބައިވެރިއަކު ގާއިމުވެހުރި ތަންކަމަށް ބަލާނީ، އެ މުއާމަލާތަކާ އެންމެ ގުޅުންހުރި ތަނަކަށެވެ.
(ނ) މި މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި، މުއާމަލާތަކާ އެންމެ ގުޅުންހުރި ތަން ކަނޑައެޅުމުގައި، އެ މުއާމަލާތް ހިންގުމުގެ ކުރިން ނުވަތަ މުއާމަލާތް ހިންގިއިރު، އެ މުއާމަލާތުގެ ބައިވެރިންނަށް އެނގޭ ކަންކަމަށް ނުވަތަ އެ މުއާމަލާތަކާ ގުޅޭ ގޮތުން މުއާމަލާތުގެ ބައިވެރިން އަންދާޒާކޮށްފައިވާ ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ. އަދި އެއްވެސް މުއާމަލާތެއް ކުރިން ކުރެވިފައިނުވާނަމަ، ބައިވެރިއަކު ގާއިމުވެހުރި ތަންކަމުގައި ބަލާނީ އެ ބައިވެރިއަކު އާންމުކޮށް މުއާމަލާތް ހިންގާއިރު ގާއިމުވެ ހުންނަ ތަނަކަށެވެ.
(ރ) ވަކި ފަރުދަކު ހިންގާ މުއާމަލާތަކާ ގުޅޭ ގޮތުން އެފަރާތެއް މުއާމަލާތުކުރުމަށް ގާއިމުވެ ހުންނަ ވަކި ހާއްސަ ތަނެއް ނެތްނަމަ، އެފަރާތުގެ މުއާމަލާތް ހިންގި ތަންކަމުގައި ބަލާނީ، އެފަރާތުން އާންމުކޮށް ދިރިއުޅ ތަނަކަށެވެ.
(ބ) ހަމައެކަނި އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށް، ވަކި ތަނަކީ މުއާމަލާތެއް ހިންގިއިރު ބައިވެރިއަކު ގާއިމުވެހުރި ތަނުގެގޮތުގައި ކަނޑައަޅައިގެން ނުވާނެއެވެ.
- އެއްބަސްވުން ވެވުނުއިރު ބައިވެރިއަކު ބޭނުންކޮށްފައިވާ އިންފޮމޭށަން ސިސްޓަމާގުޅޭ ޓެކްނޮލޮޖީއާއި ވަސީލަތްތައް ހުރި ތަން؛ ނުވަތަ
- މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އިންފޮމޭށަން ސިސްޓަމަށް އެހެން ފަރާތްތަކުން ވަދެ ނުވަތަ ބޭނުންކުރާ ތަން.
(ޅ) ބައިވެރިއަކު ބޭނުންކުރާ ޑޮމެއިން ނަން ނުވަތަ އިލެކްޓްރޯނިކް މެއިލް އެޑްރެސް ވަކި ގައުމަކަށް ނިސްބަތްވުމަކީ، ހަމައެކަނި އެކަމުގެ މައްޗަށް ބިނާކޮށް، އެ ބައިވެރިއަކު ގާއިމުވެހުރި ތަނަކީ އެ ގައުމަކަށް ނިސްބަތްވާ ތަނެއްކަމަށް ކަނޑައަޅަންޖެހޭ ސަބަބެއް ނޫނެވެ.
9 ވަނަ މާއްދާ - މައުލޫމާތު ހާމަކުރުމުގެ ޒިންމާ
މުއާމަލާތެއް ހިންގާ ފަރާތުގެ މައުލޫމާތާއި، އެ މުއާމަލާތް ހިންގާއިރު އެފަރާތް ގާއިމުވެހުރި ތަން، އަދި އެ މުއާމަލާތަކާގުޅޭ އެނޫން މައުލޫމާތު ހާމަކުރުމަށް އެފަރާތުން ގާނޫނީގޮތުން އެއްވެސް އިލްތިޒާމެއް އުފުލަންޖެހޭ ނަމަ، އެކަމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ. އަދި ސައްހަ ނޫން، ނުވަތަ ފުރިހަމަނުވާ، ނުވަތަ ދޮގު މައުލޫމާތު ހުށަހެޅުމާ ގުޅިގެން އުފުލަންޖެހޭ އެއްވެސް ގާނޫނީ ޒިންމާއަކުން އެފަރާތް ބަރީއަވެގެނެއް ނުވެއެވެ.
ދެވަނަ ބާބު
އިލެކްޓްރޯނިކް މުއާމަލާތްތައް
10 ވަނަ މާއްދާ - ޑޭޓާ މެސެޖުތަކުގެ ގާނޫނީ ހައިސިއްޔަތު
(ހ) ޑޭޓާ މެސެޖެއްގެ ސިފައިގައި މައުލޫމާތެއް އޮންނަ އޮތުމަކީ، ހަމައެކަނި އެކަމުގެ މައްޗަށް ބިނާކޮށް، އެ މައުލޫމާތަކީ ގާނޫނީ ހައިސިއްޔަތެއް ނެތް، ނުވަތަ ގާނޫނީގޮތުން ސައްހަ ނުވާނެ، ނުވަތަ ގާނޫނީގޮތުން އެ މައްޗަށް އަމަލުނުކުރެވޭނެ މައުލޫމާތެއްކަމަށް ބަލައިގެންވާނެ ސަބަބެއް ނޫނެވެ.
(ށ) ޑޭޓާ މެސެޖެއްގައި ހިމެނޭ މައުލޫމާތަކީ އެ މެސެޖުގައި ހިމަނާފައިނުވާ، އެހެންނަމަވެސް ހަމައެކަނި ހަވާލާދީފައިވާ މައުލޫމާތެއްނަމަ، ހަމައެކަނި އެ ސަބަބުގެ މައްޗަށް ބިނާކޮށް، އެއީ ގާނޫނީ ހައިސިއްޔަތެއް ނެތް، ނުވަތަ ގާނޫނީގޮތުން ސައްހަ ނުވާނެ، ނުވަތަ ގާނޫނީގޮތުން އެ މައްޗަށް އަމަލުނުކުރެ ވ ނެ މައުލޫމާތެއްކަމަށް ބަލައިގެން ނުވާނެއެވެ.
(ނ) އިލެކްޓްރޯނިކް ޒަރީއާއިން މުއާސަލާތުކުރުމަށް ނުވަތަ އިލެކްޓްރޯނިކް ޒަރީއާއިން ކުރާ މުއާސަލާތު ބަލައިގަތުމަށް، އެއްވެސް ފަރާތެއްގެ މައްޗަށް މި ގާނޫނު ލާޒިމެއް ނުކުރެއެވެ. އެހެންނަމަވެސް، މުއާމަލާތެއްގެ ބައިވެރިއެއްގެ އަމަލުތަކުގެ މައްޗަށް ބިނާކޮށް، އެ ބައިވެރިއަކު އިލެކްޓްރޯނިކް ޒަރީއާއިން މުއާސަލާތުކުރުމަށް އެއްބަސްވެފައިވާކަމަށް ބެލެވިދާނެއެވެ.
11 ވަނަ މާއްދާ - ލިޔުމުން އޮތުން
(ހ) މައުލޫމާތެއް އޮންނަންވާނީ ލިޔުމުންކަމަށް އެއްވެސް ގާނޫނަކުން ލާޒިމުކޮށްފައިވާ ހާލަތެއްގައި، ޑޭޓާ މެސެޖެއްގައިވާ މައުލޫމާތަކީ ފަހުން ބޭނުންކުރުމަށް ވާސިލުވެވޭ ގޮތަށް ހުރި މައުލޫމާތެއްކަމަށްވާނަމަ، އެ މައުލޫމާތެއް ލިޔުމުން އޮތުމުގެ ގާނޫނީ ށަރުތު އެ ޑޭޓާ މެސެޖެއްގައި ފުރިހަމަވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، މައުލޫމާތެއް ލިޔުމުން އޮތުމަކީ ގާނޫނީ އިލްތިޒާމެއްގެ ގޮތުގައި ގާނޫނެއްގައި ބަޔާންކޮށްފައިވާނަމަ، ނުވަތަ އެ މައުލޫމާތެއް ލިޔުމުން ނެތުމުގެ ނަތީޖާ އެ ގާނޫނެއްގައި ބަޔާންކޮށްފައިވާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކުރާ އުސޫލު ހިނގާނެއެވެ.
(ނ) ދައުލަތުގެ މުއައްސަސާއަކުން ލިޔުމުން ވަކި މައުލޫމާތެއް ހުށަހެޅުމަށް ލާޒިމުކުރާނަމަ، އެ މައުލޫމާތު ހުށަހެޅުމުގައި އަމަލުކުރަންވީގޮތުގެ އިތުރު އުސޫލުތަކެއް ކަނޑައެޅުމަކަށް މި މާއްދާގެ (ހ) ހުރަހެއް ނާޅައެވެ.
12 ވަނަ މާއްދާ - މައުލޫމާތުގެ އަސްލު
(ހ) މައުލޫމާތެއް އޭގެ އަސްލުގޮތުގައި ހުށަހެޅުމަށް ނުވަތަ ބެހެއްޓުމަށް ގާނޫނަކުން ލާޒިމުކުރާނަމަ، ޑޭޓާ މެސެޖެއްގައިވާ މައުލޫމާތަކީ، އަންނަނިވި ހާލަތްތަކުގައި އެ ށަރުތު ފުރިހަމަވާ މައުލޫމާތުކަމުގައި ބެލެވޭނެއެވެ.
- ޑޭޓާ މެސެޖުގައި ހިމެނޭ މައުލޫމާތު، ޑޭޓާ މެސެޖެއްގެ ގޮތުގައި ނުވަތަ އެނޫންވެސް ގޮތަކަށް އޭގެ ނިހާއީ ސިފައިގައި ޖެނެރ ޓުކުރެވުނު ވަގުތުން ފެށިގެން އެ މައުލޫމާތުގެ ސައްހަކަމަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަމަށް ،އެކަށީގެންވާ މިންވަރަށް ކަށަވަރުވެފައި ވުން؛ އަދި
- އެ މައުލޫމާތަކީ، އެ މައުލޫމާތެއް ވަކި ފަރާތަކަށް ފޯރުކޮށްދޭން ޖެހިއްޖެ ހާލަތެއްގައި، އެ މައުލޫމާތު ފޯރުކޮށްދޭން ޖެހޭ ފަރާތަށް ދެއްކޭނެފަދަ ގޮތަކަށް ހުރި މައުލޫމާތެއްކަމުގައި ވުން.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، މައުލޫމާތެއް އޭގެ އަސްލުގޮތުގައި ހުށަހެޅުމަށް ނުވަތަ ބެހެއްޓުމަށް ގާނޫނަކުން ލާޒިމުކޮށްފައިވަނީ އިލްތިޒާމެއްގެ ގޮތުގައިނަމަ، ނުވަތަ އެ މައުލޫމާތު ހުށަހަޅާފައި ނެތުމުގެ ސަބަބުން ނުވަތަ އޭގެ އަސްލު ސިފައިގައި ބެހެއްޓިފައި ނެތުމުގެ ސަބަބުން ނިކުމެދާނެ ނަތީޖާ ބަޔާންކޮށްގެންކަމަށް ވާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކުރާ އުސޫލު ހިނގާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި:
- މައުލޫމާތެއް އެއީ އެ މައުލޫމާތުގެ ސައްހަކަމަށް އެއްވެސް ބަދަލެއް އައިސްފައިނުވާ މައުލޫމާތެއްކަމަށް ކަނޑައެޅުމުގައި ބަލާނެ މިންގަނޑަކީ، އެ މައުލޫމާތެއް މުއާސަލާތުކުރުމުގައި ނުވަތަ ރައްކާކުރުމުގައި ނުވަތަ ފެންނާނެހެން ބެހެއްޓުމުގައި އެ މައުލޫމާތަކަށް އާންމު އުސޫލުން އަންނާނެ ބަދަލެއް ފިޔަވައި، އަދި އެ މައުލޫމާތެއް ކަށަވަރުކުރުމުގެގޮތުން އިތުރަށް ގެނެވ ބަދަލެއް ފިޔަވައި، އެ މައުލޫމާތަށް އެއްވެސް ބަދަލެއް ގެނެސްފައިނުވުމާއެކު، އެ މައުލޫމާތު އޭގެ ފުރިހަމަގޮތުގައި ވުމަށެވެ.
- މައުލޫމާތެއް އެކަށީގެންވާ މިންވަރަށް ކަށަވަރުވެފައިވާ މިންގަނޑު ވަޒަންކުރުމުގައި، އެ މައުލޫމާތު ޖެނެރޭޓްކުރި މަގްސަދަށާއި ކަމާގުޅޭ ހުރިހާ ހާލަތްތަކަށް ރިއާޔަތްކުރަންވާނެއެވެ.
(ރ) ދައުލަތުގެ މުއައްސަސާއަކުން މައުލޫމާތު އޭގެ އަސްލުގޮތުގައި ހުށަހެޅުމަށް ނުވަތަ ބެހެއްޓުމަށް ލާޒިމުކުރާނަމަ، އެ މައުލޫމާތު ހުށަހެޅުމުގައި ނުވަތަ ބެހެއްޓުމުގައި އަމަލުކުރަންވީ ގޮތުގެ އިތުރު އުސޫލުތަކެއް ކަނޑައެޅުމަކަށް މި މާއްދާގެ (ހ) ހުރަހެއް ނާޅައެވެ.
13 ވަނަ މާއްދާ - ހެކީގެގޮތުގައި ޑޭޓާ މެސެޖު ބަލައިގަތުން
(ހ) ޑޭޓާ މެސެޖަކަށްވީތީ ހަމައެކަނި އެ ސަބަބުގެ މައްޗަށް ބިނާކޮށް، ށަރީއަތެއްގައި ހެކީގެގޮތުގައި ޑޭޓާ މެސެޖެއް ބަލައިނުގަނެވޭނެ ގޮތަށް ހެއްކާބެހޭ އުސޫލުތައް ތަތްބީގުކޮށްގެން ނުވާނެއެވެ.
(ށ) ޑޭޓާ މެސެޖެއްގެ ސިފައިގައިވާ މައުލޫމާތަށް ދޭން ޖެހޭ ހެކީގެ ބުރަދަން ކަނޑައެޅުމުގައި އަމަލުކުރާނީ، ހެއްކާބެހޭ ގާނޫނުގައިވާ ގޮތުގެމަތިންނެވެ.
14 ވަނަ މާއްދާ - ޑޭޓާ މެސެޖު ބެހެއްޓުން
(ހ) ވަކި ލިޔުމެއް ނުވަތަ ރިކޯޑެއް ނުވަތަ މައުލޫމާތެއް ބެހެއްޓުމަށް ގާނޫނަކުން ލާޒިމުކުރާ ހާލަތުގައި، އެ ލިޔުމެއް ނުވަތަ ރިކޯޑެއް ނުވަތަ މައުލޫމާތެއް ބަހައްޓާފައިވަނީ ޑޭޓާ މެސެޖުގެގޮތުގައި ނަމަ، އަންނަނިވި ށަރުތުތައް ފުރިހަމަވުމުން، ގާނޫނުގައި ލާޒިމުކުރާ ކަންކަން ފުރިހަމަވީކަމުގައި ބަލަންވާނެއެވެ.
- ޑޭޓާ މެސެޖުގައި ހުރި މައުލޫމާތަކީ، އެ މައުލޫމާތެއް ފަހުން ބޭނުންކުރުމަށް ވާސިލުވެވޭ ގޮތަށް ހުރި މައުލޫމާތެއްކަމުގައި ވުން؛ އަދި
- ޑޭޓާ މެސެޖު ބެހެއްޓިފައިވަނީ އެ ޑޭޓާ މެސެޖު ޖެނެރޭޓްކުރެވުނު ނުވަތަ ފޮނުވުނު ނުވަތަ ލިބުނު ފޯމެޓުގައި، ނުވަތަ އެ ޑޭޓާ މެސެޖު ޖެނެރޭޓްކުރެވުނުއިރު ނުވަތަ ފޮނުވުނުއިރު ނުވަތަ ލިބުނުއިރު އ ގައިވާ މައުލޫމާތު ހުރިގޮތަށްކަން ޔަގީންކަމާއެކު ދައްކުވައިދެވޭނެ ފޯމެޓެއްގައިކަމަށް ވުން؛ އަދި
- ޑޭޓާ މެސެޖުގައި ހިމެނޭ މައުލޫމާތު ބެހެއްޓިފައިވަނީ، އެ ޑޭޓާ މެސެޖު ޖެނެރޭޓްކުރެވުނު ތަނާއި ރައްދުވި ތަން، އަދި އެ ޑޭޓާ މެސެޖު ފޮނުވުނު ނުވަތަ ރައްދުވި ތާރީހާއި ވަގުތު ދެނެގަނެވޭނެ ފަދަ ގޮތަކަށްކަމަށް ވުން.
(ށ) ލިޔެކިޔުންތަކާއި ރިކޯޑުތަކާއި މައުލޫމާތު ބެހެއްޓުމަށް މި މާއްދާގެ (ހ) ގެ ދަށުން އޮންނަ ޒިންމާ، އެ މައުލޫމާތުގެ މަގްސަދަކީ ހަމައެކަނި މެސެޖެއް ފޮނުވައި ނުވަތަ ލިބިގަތުމަށް ބޭނުންކުރެވޭ މައުލޫމާތުކަމުގައިވާ މައުލޫމާތުގެ މައްޗަކަށް ނުހިނގާނެއެވެ.
(ނ) އެއްވެސް ފަރާތަކުން މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކަންކަން ފުރިހަމަކުރުމުގައި، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (3) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާ ގޮތުގެމަތިން އެހެން ފަރާތެއް މެދުވެރިކޮށް އެކަންކަން ކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
(ރ) ދައުލަތުގެ މުއައްސަސާއަކުން މައުލޫމާތު ބެހެއްޓުމަށް ލާޒިމުކުރާނަމަ، އެ މައުލޫމާތު ބެހެއްޓުމުގައި އަމަލުކުރަންވީގޮތުގެ އިތުރު އުސޫލުތަކެއް ކަނޑައެޅުމަކަށް މި މާއްދާގެ (ހ) ހުރަހެއް ނާޅައެވެ.
15 ވަނަ މާއްދާ - ޑޭޓާ މެސެޖު ފޮނުވާ ވަގުތާއި، ލިބޭ ވަގުތު އަދި ތަން
(ހ) ޑޭޓާ މެސެޖެއް ފޮނުވުނު ވަގުތުކަމުގައި ބަލާނީ:
- ޑޭޓާ މެސެޖުގެ އޮރިޖިނޭޓަރުގެ، ނުވަތަ ޑޭޓާ މެސެޖުގެ އޮރިޖިނޭޓަރުގެ ފަރާތުން އެ ޑޭޓާ މެސެޖު ފޮނުވައިދިން ފަރާތެއްގެ ކޮންޓްރޯލުގެ ދަށުގައިވާ އިންފޮމޭށަން ސިސްޓަމުން އެ ޑޭޓާ މެސެޖު ބޭރުވި ވަގުތު ؛ ނުވަތަ
- ޑޭޓާ މެސެޖުގެ އޮރިޖިނޭޓަރުގެ، ނުވަތަ ޑޭޓާ މެސެޖުގެ އޮރިޖިނޭޓަރުގެ ފަރާތުން އެ ޑޭޓާ މެސެޖު ފޮނުވައިދިން ފަރާތެއްގެ ކޮންޓްރޯލުގެ ދަށުގައިވާ އިންފޮމޭށަން ސިސްޓަމުން އެ ޑޭޓާ މެސެޖު ބޭރުވެފައިނުވާނަމަ، އެ ޑޭޓާ މެސެޖު ލިބުނު ވަގުތަށެވެ.
(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، ޑޭޓާ މެސެޖުގެ އޮރިޖިނޭޓަރުގެ، ނުވަތަ ޑޭޓާ މެސެޖުގެ އޮރިޖިނޭޓަރުގެ ފަރާތުން އެ ޑޭޓާ މެސެޖު ފޮނުވައިދިން ފަރާތެއްގެ ކޮންޓްރޯލުގެ ދަށުގައިވާ އިންފޮމޭށަން ސިސްޓަމުން އެ ޑޭޓާ މެސެޖު ބޭރުވެފައިނުވާނަމަ އެ ޑޭޓާ މެސެޖު ލިބުނުކަމަށް ބެލެވޭނީ، އެ މެސެޖު ފޮނުވުމަށާއި ލިބުމަށް ދެފަރާތުން އެއް އިންފޮމޭށަން ސިސްޓަމެއް ބޭނުންކުރާ ހާލަތުގައެވެ.
(ނ) ޑޭޓާ މެސެޖު ލިބުނު ވަގުތުކަމުގައި ބަލާނީ:
- އެ ޑޭޓާ މެސެޖު އެޑްރެސްކޮށްފައިވާ ފަރާތަށް، އެފަރާތުން ކަނޑައަޅާފައިވާ އިލެކްޓްރޯނިކް އެޑްރެހުގައި ނެގޭނެ ނުވަތަ ބެލޭނެ މެސެޖަކަށް އެ މެސެޖު ވާ ވަގުތު؛ ނުވަތަ
- ޑޭޓާ މެސެޖު ފޮނުވާފައިވަނީ އެ ޑޭޓާ މެސެޖު އެޑްރެސްކޮށްފައިވާ ފަރާތަށް ވަދެވޭ ނުވަތަ ބޭނުންކުރެވޭ އެހެން އިލެކްޓްރޯނިކް އެޑްރެހަކަށްނަމަ، އެ އެޑްރެހުގައި ނެގޭނެ ނުވަތަ ބެލޭނެ މެސެޖަކަށް އެ މެސެޖު ވާ، އަދި އެ އެޑްރެހަށް އެ މެސެޖު ލިބިފައިވާކަން އެ މެސެޖު އެޑްރެސްކޮށްފައިވާ ފަރާތަށް އެނގޭ ވަގުތު.
(ރ) މި މާއްދާގެ (ނ) ގެ ބޭނުމަށްޓަކައި، ޑޭޓާ މެސެޖު އެޑްރެސްކޮށްފައިވާ ފަރާތަށް، އެ ޑޭޓާ މެސެޖު ނެގޭނެ ނުވަތަ ބެލޭނެ މެސެޖަކަށްވާ ވަގުތުކަމަށް ބަލާނީ، މެސެޖު އެޑްރެސްކޮށްފައިވާ ފަރާތުގެ އިލެކްޓްރޯނިކް އެޑްރެހަށް އެ މެސެޖު ލިބުމުންނެވެ.
(ބ) ޑޭޓާ މެސެޖެއް ފޮނުވި ތަންކަމަށް ބަލާނީ، މި ގާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން، މުއާމަލާތް ހިންގިއިރު ޑޭޓާ މެސެޖުގެ އޮރިޖިނޭޓަރު ގާއިމުވެހުރި ތަނަށެވެ.
(ޅ) ޑޭޓާ މެސެޖެއް ލިބުނު ތަންކަމަށް ބަލާނީ، މި ގާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން، މުއާމަލާތް ހިންގިއިރު ޑޭޓާ މެސެޖު އެޑްރެސްކޮށްފައިވާ ފަރާތުން ގާއިމުވެހުރި ތަނަށެވެ.
(ކ) އިލެކްޓްރޯނިކް އެޑްރެހަކުން މުއާސަލާތުކުރުމަށް އެހީވެދ އިންފޮމޭށަން ސިސްޓަމް ހުރި ތަނަކީ، މި މާއްދާގެ (ޅ) ގައި ބަޔާންކުރާ ގޮތުގެމަތިން ޑޭޓާ މެސެޖު ލިބުނު ތަންކަމަށް ކަނޑައަޅާ ތަން ފިޔަވައި އެނޫން ތަނެއްކަމުގައި ވީނަމަވެސް، މި މާއްދާގެ (ނ) އަދި (ރ) ގައި ބަޔާންކުރާ އުސޫލުތައް ހިނގާނެއެވެ.
16 ވަނަ މާއްދާ - ޑޭޓާ މެސެޖަކަށްވީތީ ބަލައިގަތުން
ޑޭޓާ މެސެޖެއްގެ އޮރިޖިނޭޓަރާއި މެސެޖު އެޑްރެސްކުރެވޭ ފަރާތާ ދެމެދުގައި އެކަކު އަނެކަކު ބޭނުންވާ ގޮތް ނުވަތަ އެދ ގޮތް ނުވަތަ އެނޫން ކަމެއް ހާމަކުރާ ބަޔާނަކީ ޑޭޓާ މެސެޖެއްކަމަށްވާތީ، ހަމައެކަނި އެކަމުގެ މައްޗަށް ބިނާކޮށް އެއީ ގާނޫނީ ހައިސިއްޔަތެއް ނެތް ނުވަތަ ގާނޫނީގޮތުން ސައްހަނުވާނެ ނުވަތަ ގާނޫނީގޮތުން އެ މައްޗަށް އަމަލުނުކުރެވޭނެ އެއްޗެއްކަމަށް ބަލައިގެން ނުވާނެއެވެ.
17 ވަނަ މާއްދާ - ޑޭޓާ މެސެޖު ނިސްބަތްކުރެވޭ ފަރާތް
(ހ) ޑޭޓާ މެސެޖެއް ފޮނުވީ އޮރިޖިނޭޓަރު އަމިއްލައަށްކަމަށްވާނަމަ، އެ ޑޭޓާ މެސެޖަކީ އޮރިޖިނޭޓަރުގެ ޑޭޓާ މެސެޖެކެވެ.
(ށ) އަންނަނިވި ހާލަތްތަކުގައި ޑޭޓާ މެސެޖެއް އެޑްރެސްކޮށްފައިވާ ފަރާތަށް ޑޭޓާ މެސެޖެއް ފޮނުވާފައިވަނީ އޮރިޖިނޭޓަރުކަމަށް ބެލެވޭނެއެވެ.
- ޑޭޓާ މެސެޖު ފޮނުވާފައިވަނީ އޮރިޖިނޭޓަރުގެ ފަރާތުން، އެ މެސެޖާ ގުޅޭ ގޮތުން ވަކި ގޮތަކަށް އަމަލުކުރުމަށް ހުއްދަ ލިބިފައިވާ އަދި އެ ހުއްދައިގެ ދަށުން އަމަލުކޮށްފައިވާ ފަރާތެއްކަމަށް ވުން؛ ނުވަތަ
- ޑޭޓާ މެސެޖު ފޮނުވާފައިވަނީ އޮރިޖިނޭޓަރު އަމިއްލައަށް ނުވަތަ އޮރިޖިނޭޓަރުގެ ފަރާތުން، އޮޓަމެޓިކުން އޮޕަރޭޓްކުރަން ޕްރޮގްރާމްކޮށްފައިވާ އިންފޮމޭށަން ސިސްޓަމަކުންކަމަށް ވުން.
(ނ) އަންނަނިވި ހާލަތްތަކުގައި، ޑޭޓާ މެސެޖު އެޑްރެސްކޮށްފައިވާ ފަރާތަކުން، އެފަރާތަށް ލިބުނު ޑޭޓާ މެސެޖު ފޮނުވާފައިވަނީ އޮރިޖިނޭޓަރުކަމަށް ބަލައި، އެއާ އެއްގޮތަށް އަމަލުކުރުމުގެ އިހްތިޔާރު ލިބިގެންވެއެވެ.
- ޑޭޓާ މެސެޖަކީ އޮރިޖިނޭޓަރު ފޮނުވި މެސެޖެއްކަން ކަށަވަރުކުރުމަށްޓަކައި، އޮރިޖިނޭޓަރާއި މެސެޖު އެޑްރެސްކޮށްފައިވާ ފަރާތާ ދެމެދު ކުރިން އެ ބޭނުމަށް އެއްބަސްވެފައިވާ އިޖުރާއަތުތަކާ އެއްގޮތަށް، މެސެޖު އެޑްރެސްކޮށްފައިވާ ފަރާތުން އަމަލުކޮށްފައިވުން؛ ނުވަތަ
- އެޑްރެސްކޮށްފައިވާ ފަރާތަށް މެސެޖު ރައްދުވީ، ތިންވަނަ ފަރާތެއްގެ އަމަލުތަކެއްގެ ސަބަބުންކަމަށް ވެފައި، އެ ތިންވަނަ ފަރާތަކާ އޮރިޖިނޭޓަރާ އެކުގައި ނުވަތަ އޮރިޖިނޭޓަރުގެ އޭޖެންޓަކާ އެކުގައި އޮންނަ ގުޅުމެއްގެ ސަބަބުން، އޮރިޖިނޭޓަރުގެ މެސެޖެއްކަން ދެނެގަތުމަށް ބޭނުންކުރާ ގޮތްތަކުންކުރެ ގޮތެއް ބޭނުންކޮށްގެން އެ ތިންވަނަ ފަރާތުން އެ މެސެޖު ފޮނުވާފައިވުން.
(ރ) އަންނަނިވި ހާލަތްތަކުގައި މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އުސޫލެއް ނުހިނގާނެއެވެ.
- ޑޭޓާ މެސެޖަކީ އޮރިޖިނޭޓަރު ފޮނުވާފައިވާ މެސެޖެއް ނޫންކަމަށް، އޮރިޖިނޭޓަރުގެ ފަރާތުން މެސެޖު އެޑްރެސްކޮށްފައިވާ ފަރާތަށް ނޯޓިސް ދީފައިވުމާއެކު، އެ ނޯޓިހާ އެއްގޮތަށް އަމަލުކުރުމަށް އެކަށީގެންވާ ވަގުތު މެސެޖު އެޑްރެސްކޮށްފައިވާ ފަރާތަށް ލިބިފައިވާ ހާލަތު؛ ނުވަތަ
- މި މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތެއްގައި، މެސެޖު އެޑްރެސްކޮށްފައިވާ ފަރާތުން އެކަށީގެންވާ ފަރުވާތެރިކަމާއެކު އަމަލުކުރުމުގެ ސަބަބުން، ނުވަތަ ދެފަރާތުން އެއްބަސްވެފައިވާ އިޖުރާއަތުތަކާ އެއްގޮތަށް އަމަލުކުރުމުގެ ސަބަބުން، އެ މެސެޖަކީ އޮރިޖިނޭޓަރު ފޮނުވި
މެސެޖެއް ނޫންކަން މެސެޖު އެޑްރެސްކޮށްފައިވާ ފަރާތަށް އެނގޭ ހާލަތެއް، ނުވަތަ އެކަން އެނގިފައި އޮންނަންވާނެ ހާލަތެއް މެދުވެރިވުން.
(ބ) ޑޭޓާ މެސެޖަކީ އޮރިޖިނޭޓަރުގެ މެސެޖެއްނަމަ، ނުވަތަ އޮރިޖިނޭޓަރު ފޮނުވި މެސެޖެއްކަމަށް ބެލެވ މެސެޖެއްނަމަ، ނުވަތަ ޑޭޓާ މެސެޖު ފޮނުވީ އޮރިޖިނޭޓަރުކަމަށް ބެލުމުގެ އިހްތިޔާރު މެސެޖު އެޑްރެސްކޮށްފައިވާ ފަރާތަށް ލިބިދޭ ނަމަ، މެސެޖު އެޑްރެސްކޮށްފައިވާ ފަރާތަށް ލިބުނު މެސެޖަކީ އޮރިޖިނޭޓަރު ފޮނުވަން ގަސްދުކުރި ގޮތަށް އެފަރާތުން ފޮނުވި މެސެޖެއްކަމަށް ބަލައި، އެއާ އެއްގޮތަށް އަމަލުކުރުމުގެ އިހްތިޔާރު މެސެޖު އެޑްރެސްކޮށްފައިވާ ފަރާތަށް ލިބިގެންވެއެވެ.
(ޅ) މެސެޖު އެޑްރެސްކޮށްފައިވާ ފަރާތުން އެކަށީގެންވާ ފަރުވާތެރިކަމާއެކު އަމަލުކުރުމުގެ ސަބަބުން، ނުވަތަ ދެފަރާތުން އެއްބަސްވެފައިވާ އިޖުރާއަތުތަކާ އެއްގޮތަށް އަމަލުކުރުމުގެ ސަބަބުން، މެސެޖު އެޑްރެސްކޮށްފައިވާ ފަރާތަށް ލިބިފައިވާ ޑޭޓާ މެސެޖު ޓްރާންސްމިޓްކުރުމުގައި އެ މެސެޖަށް މައްސަލައެއް ދިމާވެފައިވާކަން އެފަރާތަށް އެނގޭ ހާލަތުގައި، ނުވަތަ އެކަން އެނގިފައި އޮންނަ ންވާނެ ހާލަތުގައި، މި މާއްދާގެ (ބ) ގެ ދަށުން ލިބިދ އިހްތިޔާރު ، މެސެޖު އެޑްރެސްކޮށްފައިވާ ފަރާތަށް ލިބިގެނެއްނުވެއެވެ.
(ކ) މެސެޖު އެޑްރެސްކޮށްފައިވާ ފަރާތުން އެކަށީގެންވާ ފަރުވާތެރިކަމާއެކު އަމަލުކުރުމުގެ ސަބަބުން، ނުވަތަ ދެފަރާތުން އެއްބަސްވެފައިވާ އިޖުރާއަތުތަކާ އެއްގޮތަށް އަމަލުކުރުމުގެ ސަބަބުން، މެސެޖު އެޑްރެސްކޮށްފައިވާ ފަރާތަށް ލިބިފައިވާ ޑޭޓާ މެސެޖަކީ އެހެން މެސެޖެއްގެ ނަކަލެއްކަން އެފަރާތަށް އެނގޭ ހާލަތު، ނުވަތަ އެކަން
އެނގިފައި އޮންނަންވާނެ ހާލަތު ފިޔަވައި އެނޫން ހާލަތުގައި، މެސެޖު އެޑްރެސްކޮށްފައިވާ ފަރާތަށް ލިބޭ ކޮންމެ ޑޭޓާ މެސެޖަކީ ވަކި ޑޭޓާ މެސެޖެއްގެ ގޮތުގައި ބަލައި، އެއާ އެއްގޮތަށް އަމަލުކުރުމުގެ އިހްތިޔާރު މެސެޖު އެޑްރެސްކޮށްފައިވާ ފަރާތަށް ލިބިގެންވެއެވެ.
18 ވަނަ މާއްދާ - ޑޭޓާ މެސެޖު ލިބުނުކަން އެންގުން
(ހ) އޮރިޖިނޭޓަރާއި މެސެޖު އެޑްރެސްކޮށްފައިވާ ފަރާތާ ދެމެދު، ޑޭޓާ މެސެޖު ލިބުނުކަން ވަކިގޮތަކަށް ނުވަތަ ވަކި އުސޫލަކުން އެންގުމަށް އެއްބަސްވެފައިނުވާނަމަ، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް، މެސެޖު އެޑްރެސްކޮށްފައިވާ ފަރާތުން އޮރިޖިނޭޓަރަށް ޑޭޓާ މެސެޖު ލިބުނުކަން އެންގިދާނެއެވެ.
- އޮޓަމޭޓަޑް މުއާސަލާތަކުން ނުވަތަ އެނޫންވެސް ގޮތަކަށް ކުރާ އެއްވެސް މުއާސަލާތަކުން؛ ނުވަތަ
- ޑޭޓާ މެސެޖު ލިބުނުކަން އޮރިޖިނޭޓަރަށް އެނގޭ ނެފަދަ އެކަށީގެންވާ ގޮތަކަށް މެސެޖު އެޑްރެސްކޮށްފައިވާ ފަރާތުން އަމަލުކޮށްފައިވުން.
(ށ) ޑޭޓާ މެސެޖެއް ލިބުނުކަމަށް ކަނޑައެޅުމުގައި ، މެސެޖު އެޑްރެސްކޮށްފައިވާ ފަރާތަށް އެ ޑޭޓާ މެސެޖު ލިބުނުކަން އޮރިޖިނޭޓަރަށް އެންގުމަށް ށަރުތުކޮށްފައިވާނަމަ، އެ މެސެޖު އެޑްރެސްކޮށްފައިވާ ފަރާތުން އެ މެސެޖު ލިބިފައިވާކަން އޮރިޖިނޭޓަރަށް ނާންގާހާ ހިނދަކު، އެ މެސެޖު ލިބިފައިވާކަމަކަށް ނުބެލެ ވ ނެއެވެ.
(ނ) ޑޭޓާ މެސެޖު ލިބުނުކަން އޮރިޖިނޭޓަރަށް އެންގުމަށް ށަރުތުކޮށްފައިނުވާ ހާލަތެއްގައި، އެ ޑޭޓާ މެސެޖު ލިބުނުކަން އެންގުމަށް ކަނޑައެޅިފައިވާ ނުވަތަ އެއްބަސްވެފައިވާ މުއްދަތެއްގެ ތެރޭގައި، ނުވަތަ އެފަދަ މުއްދަތެއް ކަނޑައަޅާފައިނުވާ ނުވަތަ ދެފަރާތުން އެފަދައިން ވަކި މުއްދަތަކަށް އެއްބަސްވެފައިނުވާ ހާލަތެއްގައި، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި، މެސެޖު އެޑްރެސްކޮށްފައިވާ ފަރާތުން އޮރިޖިނޭޓަރަށް މެސެޖު ލިބުނުކަން އަންގާފައިނުވާނަމަ، އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށް އަމަލުކުރުމުގެ އިހްތިޔާރު އޮރިޖިނޭޓަރަށް ލިބިގެންވެއެވެ.
- ޑޭޓާ މެސެޖު އެޑްރެސްކޮށްފައިވާ ފަރާތަށް އެ މެސެޖު ލިބިފައިވާކަން އެފަރާތުން އޮރިޖިނޭޓަރަށް އަންގާފައި ނުވާކަމާއި، އެކަށީގެންވާ ވަކި މުއްދަތެއްގެ ތެރޭގައި ޑޭޓާ މެސެޖު ލިބުނުކަން އެންގުމަށް ށަރުތުކޮށް، ޑޭޓާ މެސެޖު އެޑްރެސްކޮށްފައިވާ ފަރާތަށް އޮރިޖިނޭޓަރު ނޯޓިސްދިނުން؛
- މި އަކުރުގެ (1) ވަނަ ނަންބަރުގެ ދަށުން ޑޭޓާ މެސެޖު ލިބުނުކަން އެންގުމަށް ށަރުތުކޮށް، ޑޭޓާ މެސެޖު އެޑްރެސްކޮށްފައިވާ ފަރާތަށް ނޯޓިސްދީފައިވާ މުއްދަތުގެ ތެރޭގައި، ޑޭޓާ މެސެޖު އެޑްރެސްކޮށްފައިވާ ފަރާތުން އެ މެސެޖު ލިބުނުކަން އޮރިޖިނޭޓަރަށް އަންގާފައިނުވާނަމަ، މެސެޖު އެޑްރެސްކޮށްފައިވާ ފަރާތަށް އޮރިޖިނޭޓަރު ނޯޓިސް ދިނުމާއެކު، އެ މެސެޖަކީ ފޮނުވާފައިނުވާ މެސެޖެއްގެ ގޮތުގައި ބެލުން ނުވަތަ އެ މެސެޖާ ގުޅޭ ގޮތުން އޮރިޖިނޭޓަރަށް
ލިބިގެންވާ އެނޫންވެސް ހައްގެއްގެ ބޭނުންކުރުން. - (ރ) މި މާއްދާގެ (ހ) އާއި (ނ) ގައި ބަޔާންކުރާ ކަންކަން ހިނގާނީ، ޑޭޓާ މެސެޖު ފޮނުވުމުގެ ކުރިން، ނުވަތަ ޑޭޓާ މެސެޖު ފޮނުވިއިރު، ނުވަތަ އެ ޑޭޓާ މެސެޖުގެ ޒަރީއާއިން، ޑޭޓާ މެސެޖު ލިބުނުކަން އެންގުމަށް ދެފަރާތުން އެއްބަސްވެފައިވާނަމަ ނުވަތަ މެސެޖު އެޑްރެސްކޮށްފައިވާ ފަރާތުގެ ކިބައިން އޮރިޖިނޭޓަރު އެފަދައިން އެދިފައިވާނަމައެވެ.
(ބ) މެސެޖެއް އެޑްރެސްކޮށްފައިވާ ފަރާތަށް މެސެޖު ލިބިފައިވާކަން އެފަރާތުން އޮރިޖިނޭޓަރަށް އަންގާ އެންގުން އޮރިޖިނޭޓަރަށް ލިބިފައިވާނަމަ މެސެޖު އެޑްރެސްކޮށްފައިވާ ފަރާތަށް އެ މެސެޖު ލިބިފައިވާކަމަށް ބެލެވޭނެއެވެ. ނަމަވެސް މެސެޖު ލިބިފައިވާކަމަށް އެފަދައިން ބަލާ ބެލުމަކީ ، އެ ލިބުނު ޑޭޓާ މެސެޖަކީ މެސެޖު އެޑްރެސްކޮށްފައިވާ ފަރާތަށް އޮރިޖިނޭޓަރު ފޮނުވި ޑޭޓާ މެސެޖާ އެއްގޮތަށް އޮތް މެސެޖެއްކަމަށް ގަބޫލުކުރުމަށް އެކަށީގެންވާ ސަބަބެއް ނޫނެވެ.
(ޅ) ދެފަރާތުން އެއްބަސްވެފައިވާ ގޮތެއްގެމަތިން ނުވަތަ ދެފަރާތުން އަމަލުކުޭރަންޖެހޭ މިންގަނޑެއްގައި ބަޔާންކޮށްފައިވާ ފަދައިން، ޑޭޓާ މެސެޖެއްގައި ހުންނަންޖެހޭ ޓެކްނިކަލް ށަރުތުތައް ފުރިހަމަވާކަމަށް އެ ޑޭޓާ މެސެޖު ލިބުނުކަން އަންގާ އެންގުމުގައި ބަޔާންކޮށްފައިވާނަމަ، އެ ޑޭޓާ މެސެޖެއްގައި ހުންނަންޖެހޭ ޓެކްނިކަލް ށަރުތުތައް ފުރިހަމަވެފައިވާކަމަށް ބެލެވޭނެއެވެ.
(ކ) ޑޭޓާ މެސެޖު ފޮނުވުމާއި، ޑޭޓާ މެސެޖު ލިބިގަތުމާ ގުޅޭ ގޮތުން މި މާއްދާގައި ބަޔާންކުރާ އުސޫލުތައް ފިޔަވައި މި މާއްދާގައި ބަޔާންކުރާ އެހެން ކަންކަމަކީ، އެ ޑޭޓާ މެސެޖާ ގުޅިގެން ނުވަތަ އެ ޑޭޓާ މެސެޖު ލިބުނުކަން އެންގުމާ ގުޅިގެން ނުކުމެދާނެ ގާނޫނީ ނަތީޖާއަކަށް އަސަރުކުރާނެ ކަންކަމެއް ނޫނެވެ.
ތިންވަނަ ބާބު
އިލެކްޓްރޯނިކް މުއާސަލާތުގެ ޒަރީއާއިން ވެވޭ އެއްބަސްވުންތައް
19 ވަނަ މާއްދާ - ކޮންޓްރެކްޓާބެހޭ ގާނޫނަށް ހަނިކަމެއްނައުން
މި ބާބުގެ އެއްވެސް މާއްދާއެއްގައި ހިމެނޭ އެއްވެސް ކަމަކީ، ގާނޫނު ނަންބަރު 1991-04 (ކޮންޓްރެކްޓާބެހޭ ގާނޫނު) ގައި އެއްބަސްވުމެއް އެކުލަވާލުމުގައި ފުރިހަމަވާންޖެހޭ ނެކަމަށް ބަޔާންކުރާ އެއްވެސް ށަރުތެއް ނުވަތަ އެ ގާނޫނުގައި ކަނޑައަޅާފައިވާ އެއްވެސް ގާނޫނީ އުސޫލެއް ނަފީކުރާނެ ކަމެއް ނޫނެވެ.
20 ވަނަ މާއްދާ - އެއްބަސްވުން އެކުލަވާލުން
(ހ) އެއްބަސްވުމެއްގެ ބައިވެރިން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، އެއްބަސްވުމެއް އެކުލަވާލުމުގައި، އެ އެއްބަސްވުމެއްގެ ހުށަހެޅުމާއި ގަބޫލުކުރުން އިލެކްޓްރޯނިކް މުއާސަލާތުގެ ޒަރީއާއިން ހިންގިދާނެއެވެ.
(ށ) އެއްބަސްވުމެއް އެކުލަވާލުމުގައި އިލެކްޓްރޯނިކް މުއާސަލާތު ބޭނުންކޮށްފައިވާ ހާލަތެއްގައި، ހަމައެކަނި އެކަމުގެ މައްޗަށް ބިނާކޮށް، އެ އެއްބަސްވުމަކީ ގާނޫނީގޮތުން ސައްހަނޫން ނުވަތަ ތަންފީޒުނުކުރެވޭނެ އެއްބަސްވުމެއްކަމަށް ބަލައިގެންނުވާނެއެވެ.
21 ވަނަ މާއްދާ - ހުށަހެޅުމެއް ހުށަހެޅުމަށް ދައުވަތު ދިނުން
(ހ) އެއްބަސްވުމެއް ވުމަށް އިލެކްޓްރޯނިކް މުއާސަލާތުގެ ޒަރީއާއިން ހުށަހަޅާ ހުށަހެޅުމަކީ، ވަކި ފަރާތަކަށް ނުވަތަ ވަކި ފަރާތްތަކަކަށް ނިސްބަތްވާގޮތަށް ހުށަހަޅާފައިވާ ހުށަހެޅުމަކަށްވުމުގެ ބަދަލުގައި، އިންފޮމޭށަން ސިސްޓަމްތައް މެދުވެރިކޮށް އިންޓަރެކްޓިވް އެޕްލިކ ށަންތައް ބޭނުންކޮށްގެން އޯޑަރު ދެވޭގޮތަށް ހުންނަ ހުށަހެޅުންތައް ހިމެނޭ ގޮތުން އިންފޮމޭށަން ސިސްޓަމެއް ބޭނުންކުރާ ފަރާތްތަކަށް އާންމުކޮށް ވާސިލުވެވޭނެ ގޮތަށް އޮތް ހުށަހެޅުމެއްކަމަށް ވާނަމަ، އެ ހުށަހެޅުމަކީ އެއްބަސްވުމެއް ވުމަށް ދެވޭ ދައުވަތެއްކަމުގައި ބެލެވޭނެއެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، އެ ހުށަހެޅުން ހުށަހަޅާ ފަރާތުގެ ނިޔަތަކީ، އެ ހުށަހެޅުން ގަބޫލުކޮށްފިނަމަ އެ ހުށަހެޅުން ހުށަހަޅާ ފަރާތް ބަނދެވިގެން ދިޔުންކަމަށް އެ ހުށަހެޅުމުގައި ކަނޑައެޅިގެން ސާފުކޮށް ބަޔާންކޮށްފައިވާ ނުވަތަ ހާމަކޮށްފައިވާ ހާލަތުގައި، އެއީ އެފަދަ އެއްބަސްވުމެއް ވުމަށް ދެވޭ ދައުވަތެއް ކަމުގައެއް ނުބެލެވޭނެއެވެ.
22 ވަނަ މާއްދާ - އެއްބަސްވުން އެކުލަވާލުމުގައި އޮޓަމޭޓަޑް ޑޭޓާ މެސެޖު ސިސްޓަމް ބޭނުންކުރުން
އޮޓަމޭޓަޑް ޑޭޓާ މެސެޖު ސިސްޓަމަކާއި ވަކި ފަރުދަކާ ދެމެދު ހިންގ މުއާމަލާތެއް މެދުވެރިކޮށް، ނުވަތަ އޮޓަމޭޓަޑް ޑޭޓާ މެސެޖު ސިސްޓަމްތަކެއްގެ މެދުގައި ހިންގ މުއާމަލާތެއް މެދުވެރިކޮށް އެކުލަވާލެވ އެއްބަސްވުމަކީ، ވަކި ފަރުދަކު އެ އެއްބަސްވުން މުރާޖައާކޮށްފައި ނުވާކަމަށްޓަކައި ނުވަތަ އެ އެއްބަސްވުމަށް ބަދަލުގެނައުމަށް މަސައް ކަތްކޮށްފައި ނުވާކަމަށްޓަކައި، ނުވަތަ އެ އޮޓަމޭޓަޑް ޑޭޓާ މެސެޖު ސިސްޓަމެއް ނުވަތަ ސިސްޓަމްތަކުގެ ކޮންމެ ހަރަކާތެއް ވަކިން، ވަކި ފަރުދަކު މުރާޖައާކޮށްފައި ނުވާކަމަށްޓަކައި ނުވަތަ އެއިން ހަރަކާތަކަށް ބަދަލުގެނައުމަށް މަސައްކަތްކޮށްފައި ނުވާކަމަށްޓަކައި، ހަމައެކަނި އެކަންކަމުގެ މައްޗަށް ބިނާކޮށް، ގާނޫނީގޮތުން ސައްހަ ނޫން ނުވަތަ ތަންފީޒުނުކުރެވޭނެ އެއްބަސްވުމެއްކަމަށް ބަލައިގެން ނުވާނެއެވެ.
23 ވަނަ މާއްދާ - އެއްބަސްވުމުގެ ށަރުތުތައް ހިއްސާކުރުން
އެއްބަސްވުމެއް ވުމަށްޓަކައި ކުރެވޭ މަށްވަރާތައް ނުވަތަ އެފަދަ މަށްވަރާތަކުގެ ބައެއް، އިލެކްޓްރޯނިކް ޒަރީއާއިން ކުރާ މުއާސަލާތެއް މެދުވެރިކޮށް އެ އެއްބަސްވުމުގެ ބައިވެރިއަކު މު އާސަލާތުކުރާ ހާލަތުގައި، އެ އެއްބަސްވުމުގެ ށަރުތުތައް ހިމެނޭ އިލެކްޓްރޯނިކް މުއާސަލާތުތައް ވަކި ގޮތަކަށް، އެ އެއްބަސްވުމުގެ އަނެއް ބައިވެރިއަކާ ހިއްސާކުރު މަށް ގާނޫނަކުން ލާޒިމުކުރާ ކުރުމަކަށް މި ގާނޫނުގެ ސަބަބުން އެއްވެސް ހަނިކަމެއް ނާންނާނެއެވެ. އަދި އެފަދައިން އަމަލުނުކުރުމުގެ ސަބަބުން ނުކުމެދާނެ ގާނޫނީ ނަތީޖާއަކުން، މި ގާނޫނުގެ ސަބަބުން އެފަރާތެއް ބަރީއަ ވެގެނެއްވެސް ނުވެއެވެ.
24 ވަނަ މާއްދާ - އިލެކްޓްރޯނިކް މުއާސަލާތުތަ ކުގައި ދިމާވާ އިންޕުޓް އެރަރ
(ހ) އެއްބަސްވުމުގެ ބައިވެރިއެއްކަމުގައިވާ މީހަކު އެ އެއްބަސްވުމުގެ އެހެން ބައިވެރިއެއްގެ އޮޓަމޭޓަޑް ޑޭޓާ މެސެޖު ސިސްޓަމަކާއެކު ބަދަލުކުރާ އިލެކްޓްރޯނިކް މުއާސަލާތެއްގައި އިންޕުޓް އެރަރއެއް ދިމާވެއްޖެނަމަ،އަދި އެކަމެއް ހައްލުކުރުމަށް އޮޓަމޭޓަޑް ޑޭޓާ މެސެޖު ސިސްޓަމުން
އެމީހަކަށް ފުރުސަތު ނުލިބޭ ނަމަ، އިލެކްޓްރޯނިކް މުއާސަލާތުގެ އިންޕުޓް އެރަރ ދިމާވި ބައި އަނބުރާ ގެނައުމުގެ ހައްގު، އަންނަނިވި ހާލަތްތަކުގައި، އެއްބަސްވުމުގެ އެ ބައިވެރިޔާއަށް ނުވަތަ އެ ބައިވެރިޔާ ތަމްސީލުކުރާ މީހާއަށް ލިބިގެންވެއެވެ.
- އެރަރ މެދުވެރިވިކަން އެނގުނުހާ އަވަހަކަށް އެއްބަސްވުމުގައި ހިމެނޭ މީހާ ނުވަތަ އޭނާ ތަމްސީލުކުރާ ފަރާތަކުން އެއްބަސްވުމުގެ އަނެއް ބައިވެރިޔާއަށް އެކަން އަންގާފައިވުމާއި، އެ މުއާސަލާތުގައިވާ އެރަރ މެދުވެރިވީ އޭނާގެ ސަބަބުންކަން ބަޔާންކޮށްފައިވުން؛ އަދި
- އެ މުއާމަލާތުގެ ނަތީޖާއެއްގެ ގޮތުން އެއްބަސްވުމުގައި ހިމެނޭ މީހާއަށް ނުވަތަ އޭނާ ތަމްސީލުކުރާ ފަރާތަށް، އެއްބަސްވުމުގެ އަނެއް ބައިވެރިޔާގެ ފަރާތުން ލިބުނު މުދަލަކުން ނުވަތަ ހިދުމަތަކުން އެއްވެސް މާއްދީ ފައިދާއެއް ނުވަތަ މަންފާއެއް ލިބިފައި ނުވަތަ ބޭނުންކޮށްފައި ނުވުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި ފިޔަވައި އެނޫން ހާލަތެއްގައި އިލެކްޓްރޯނިކް މުއާސަލާތެއްގައި ދިމާވާ އިންޕުޓް އެރަރއަކާ ގުޅިގެން އަމަލުކުޭރަންޖެހޭ އެހެން ގާނޫނީ އުސޫލުތަކަށް އަމަލުކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
ހަތަރުވަނަ ބާބު
ޓްރަސްޓްގެ ހިދުމަތްތައް
25 ވަނަ މާއްދާ - ޓްރަސްޓްގެ ހިދުމަތްތަކުގެ ޓެކްނޮލޮޖީތަކާމެދު ހަމަހަމަ އުސޫލުން އަމަލުކުރުން
މި ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މެނުވީ، މި ގާނޫނުގެ 26 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާ އިލެކްޓްރޯނިކް ސޮޔެއް އުފެއްދުމަށް ބޭނުންކުރާ އެއްވެސް ޓެކްނޮލޮޖީއަކަށް ނުވަތަ ކަމާބެހޭ ގާނޫނެއްގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ އެހެން ޓްރަސްޓްގެ ހިދުމަތެއް އުފެއްދުމަށް ބޭނުންކުރާ ޓެކްނޮލޮޖީއަކަށް ލިބިގެންވާ ގާނޫނީ ހައިސިއްޔަތު ނަފީކުރެވޭ ގޮތަކަށް، ނުވަތަ ހަނިކުރެވޭ ގޮތަކަށް، ނުވަތަ ނުލިބޭ ގޮތަކަށް މި ގާނޫނުގެ އެއްވެސް މާއްދާއެއް މާނަކޮށްގެންނުވާނެއެވެ.
26 ވަނަ މާއްދާ - އިލެކްޓްރޯނިކް ސޮއި
(ހ) ގާނޫނަކުން މީހެއްގެ ސޮޔެއް އޮތުން ލާޒިމުކޮށްފައިވާ ހާލަތެއްގައި، އެންމެހައި ހާލަތްތަކަށާއި ކަމާގުޅޭ އެއްބަސްވުމެއް ވެފައިވާނަމަ އެ އެއްބަސްވުމަކަށް ރިއާޔަތްކުރާއިރު ޑޭޓާ މެސެޖެއްގައި ބޭނުންކޮށްފައިވާ އިލެކްޓްރޯނިކް ސޮޔަކީ އެ ޑޭޓާ މެސެޖު ޖެނެރޭޓްކުރި ނުވަތަ މުއާސަލާތުކުރި މަގްސަދު ހާސިލުކުރުމަށް ބަރޯސާވެވިދާނެ އަދި ބޭނުންތެރި އިލެކްޓްރޯނިކް ސޮޔެއްކަމަށްވާނަމަ، އެ ސޮއި އޮތުމަށް ގާނޫނީގޮތުން ލާޒިމުކޮށްފައިވާ ށަރުތު ފުރިހަމަވީކަމުގައި ބަލަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި މީހެއްގެ ސޮޔެއް އޮތުން ގާނޫނަކުން ލާޒިމުކޮށްފައިވަނީ ގާނޫނީ އިލްތިޒާމެއްގެ ގޮތުގައި އެ ގާނޫނެއްގައި އެކަން ބަޔާންކޮށްގެންކަމަށްވީ ނަމަވެސް، ނުވަތަ އެފަދަ ސޮޔެއްކޮށްފައި ނެތުމުން ނުކުމެދާނެ ގާނޫނީ ނަތީޖާއެއް ބަޔާންކޮށްގެންކަމަށްވީ ނަމަވެސް މި މާއްދާގެ (ހ) ގައި ބަޔާންކުރާ އުސޫލު ހިނގާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، އިލެކްޓްރޯނިކް ސޮޔަކީ ބަރޯސާވެވިދާނެ ސޮޔެއްކަމަށް ބެލެވޭނީ އެ ސޮއިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާނަމައެވެ.
- ސޮއިގެ ކްރިއޭށަން ޑޭޓާ ބޭނުންކޮށްފައިވާ މަހައްލަށް ރިއާޔަތްކުރާއިރު، އެ ޑޭޓާއަކީ ހަމައެކަނި އެ ސޮއިކުރި ފަރާތާ ގުޅުވައިދ ޑޭޓާއަކަށްވުން؛
- ސޮއިކުރި ވަގުތު، ސޮއިގެ ކްރިއޭށަން ޑޭޓާއަކީ ހަމައެކަނި އެ ސޮއިކުރި ފަރާތުގެ ބާރުގެ ދަށުގައިވާ ޑޭޓާއަކަށްވުން؛
- އިލެކްޓްރޯނިކް ސޮއިކުރި ފަހުން، އެ ސޮޔަށް އެއްވެސް ބަދަލެއް ގެނެވިފައިވާނަމަ އެކަން ދެނެގަނެވެން އޮތުން؛ އަދި
- ސޮޔެއް އޮތުމަށް ގާނޫނީގޮތުން ލާޒިމުކުރުމުގެ ބޭނުމަކީ، އެ ސޮއި ނިސްބަތްވާ މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށްދިނުންކަމަށްވާނަމަ، ސޮއިކުރި ފަހުން
އެ މައުލޫމާތަށް އެއްވެސް ބަދަލެއް ގެނެވިފައިވާނަމަ، އެކަން ދެނެގަނެވެން އޮތުން.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާ އިލެކްޓްރޯނިކް ސޮޔަކީ ކޮބައިކަން ކަނޑައެޅުމުގައި، އަދި ބަރޯސާވެވިދާނެ އެހެން ޓްރަސްޓްގެ ހިދުމަތްތަކަކީ ކޮބައިކަން ކަނޑައެޅުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތުތައް، ކަމާގުޅޭ ޓެކްނިކަލް މިންގަނޑުތައްވެސް ހިމެނޭ ގޮތުން، މި ގާނޫނުގެ ދަށުން މިނިސްޓްރީން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ބ) މި މާއްދާގެ (ރ) ގެ ދަށުން އެކުލަވާލާ ގަވާއިދާއި، އެ ގަވާއިދުގައި ކަނޑައަޅާ ޓެކްނިކަލް މިންގަނޑުތައް ކަނޑައަޅަންވާނީ، ކަމާގުޅޭ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތ ގޮތަށެވެ.
(ޅ) މި މާއްދާގެ (ރ) އަދި (ބ) އެހެން އޮތްނަމަވެސް، އެއްވެސް ފަރާތަކުން އަންނަނިވި ކަންކަން ކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
- އިލެކްޓްރޯނިކް ސޮޔަކީ ބަރޯސާވެވިދާނެ ސޮޔެއްކަން ކަށަވަރުކުރުމުގައި އަމަލުކުރުމަށް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތް ނޫން އެހެން ގޮތަކަށް އިލެކްޓްރޯނިކް ސޮޔަކަށް ބަރޯސާވެވިދާނެތޯ ކަށަވަރުކުރުން؛ ނުވަތަ
- އިލެކްޓްރޯނިކް ސޮޔަކީ ބަރޯސާނުވެވޭނެ ސޮޔެއްކަމަށް ބުނެ ހެކި ހުށަހެޅުން.
27 ވަނަ މާއްދާ - ޓްރަސްޓްގެ ހިދުމަތް ބޭނުންކުރާ ފަރާތުގެ އަމަލުތައް ބަހައްޓަންޖެހޭ ގޮތް
(ހ) ގާނޫނީ ބާރު ލިބިގެންވާ އިލެކްޓްރޯނިކް ސޮއި ނުވަތަ އެހެން ޓްރަސްޓްގެ ހިދުމަތެއް ކްރިއޭށަން ޑޭޓާ ބޭނުންކޮށްގެން އުފައްދާ ހާލަތްތަކުގައި، ސޮއިކުރާ ކޮންމެ ފަރާތަކުން ނުވަތަ ޓްރަސްޓްގެ ހިދުމަތް ބޭނުންކުރާ ކޮންމެ ފަރާތަކުން އަންނަނިވި ފަދައިން އަމަލުކުރަންވާނެއެވެ.
- ހުއްދަނެތި ކްރިއޭށަން ޑޭޓާ ބޭނުންކުރުން ހުއްޓުވުމަށް އެކަށީގެންވާ ފަރުވާތެރިކަމުގެ ފިޔަވަޅު އެޅުން؛
- އަންނަނިވި ހާލަތްތަކުގައި، ޓްރަސްޓްގެ ހިދުމަތް ފޯރުކޮށްދ ފަރާތުން މި ގާނޫނުގެ 28 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގެ v ގައިވާ ގޮތުގެމަތިން ހަމަޖައްސައިދ އިންތިޒާމެއް ބޭނުންކޮށްގެން، ނުވަތަ އެކަށީގެންވާ އެނޫން އެހެން ގޮތަކަށް މަސައްކަތްކޮށްގެން އިލެކްޓްރޯނިކް ސޮއިކުރި ފަރާތުން ނުވަތަ ޓްރަސްޓްގެ ހިދުމަތް ބޭނުންކުރި ފަރާތުން އެކަންކަމަށް ބަރޯސާވާނެކަމަށް ބެލެވ ނުވަތަ އެކަންކަމުގެ މައްޗަށް ބިނާކޮށް ހިދުމަތެއް ފޯރުކޮށްދ ނެކަމަށް ބެލެވ ފަރާތްތަކަށް، ވީ އެންމެ އަވަހަކަށް ނޯޓިސް ދޭން ވާނެއެވެ.
- ސޮއިގެ ކްރިއޭށަން ޑޭޓާއަށް އައިސްގެންނުވާނެފަދަ ބަދަލެއް އެއަށް އައިސްފައިވާކަން ނުވަތަ އެ ޑޭޓާ އެނގެންނުޖެހޭ ފަރާތަކަށް އެނގިފައިވާކަން ސޮއިކުރި ފަރާތަށް ނުވަތަ ޓްރަސްޓްގެ ހިދުމަތް ބޭނުންކުރާ ފަރާތަށް އެނގިފައިވުން؛ ނުވަތަ
- ސޮއިކުރި ފަރާތަށް ނުވަތަ ޓްރަސްޓްގެ ހިދުމަތް ބޭނުންކުރާ ފަރާތަށް އެނގިފައިވާ ހާލަތްތަކެއްގެ ސަބަބުން، ސޮއިގެ ކްރިއޭށަން ޑޭޓާ ނުވަތަ އެފަދަ އެހެން ޑޭޓާއަކަށް އައިސްގެންނުވާނެފަދަ ބަދަލެއް އައުމުގެ ނުވަތަ އެ ޑޭޓާ އެނގެންނުޖެހޭ ފަރާތަކަށް އެނގުމުގެ ބޮޑު ހިރާސެއް އޮތުން.
- އިލެކްޓްރޯނިކް ސޮޔަށް ބާރުދިނުމުގެގޮތުން ސެޓިފިކެޓެއް ބޭނުންކުރާ ހާލަތުގައި، އެ ސެޓިފިކެޓާ ގުޅޭ ގޮތުން ހާމަކޮށްފައިވާ މުހިންމު ހާމަކުރުންތަކުގެ ސައްހަކަމާއި ފުރިހަމަކަން އެ ސެޓިފިކެޓުގެ މުއްދަތުގައި ދެމެހެއްޓުމަށް، އެކަށީގެންވާ ފަރުވާތެރިކަމާއެކު ފިޔަވަޅު އަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންތައްތައް ސޮއިކުރާ ފަރާތުން ފުރިހަމަނުކޮށްފިނަމަ، އެކަމުގެ ގާނޫނީ ޒިންމާ އެފަރާތުން އުފުލަންވާނެއެވެ.
28 ވަނަ މާއްދާ - ޓްރަސްޓްގެ ހިދުމަތް ފޯރުކޮށްދ ފަރާތުން އަމަލުކުޭރަންޖެހޭ ގޮތް
(ހ) އިލެކްޓްރޯނިކް ސޮޔަކަށް ގާނޫނީ ހައިސިއްޔަތު ދިނުމަށް ބޭނުންކުރެވިދާނެ ހިދުމަތެއް، ޓްރަސްޓްގެ ހިދުމަތްދޭ ފަރާތްތަކުން ދޭނަމަ، އެފަރާތުން އަންނަނިވި ގޮތުގެމަތިން އަމަލުކުރަންވާނެއެވެ.
- ޓްރަސްޓްގެ ހިދުމަތްދޭ ފަރާތުން އަމަލުކުރާ ސިޔާސަތުތަކާއި އުސޫލުތަކާ ގުޅޭ ގޮތުން ހާމަކޮށްފައިވާ ކަންތައްތަކާ އެއްގޮތަށް އަމަލުކުރުން؛
- އިލެކްޓްރޯނިކް ސޮޔެއްގެ މުއްދަތުގެ ތެރޭގައި އެ ސޮއިކޮށްފައިވާ ފަރާތުން ސޮޔާ ގުޅޭ ގޮތުން ހާމަކޮށްފައިވާ މުހިންމު ހާމަކުރުންތަކުގެ ސައްހަކަން ކަށަވަރުކުރުމަށް އެކަށީގެންވާ ފަރުވާތެރިކަމުގެ ފިޔަވަޅު އެޅުން؛
- އިލެކްޓްރޯނިކް ސޮޔަށް ބަރޯސާވާ ފަރާތަކަށް އެ އިލެކްޓްރޯނިކް ސޮޔަކުން، އެކަށީގެންވާ ފަސ ހަކަމާއެކު އަންނަނިވި ކަންކަން ދެނެގަނެވޭނެ ގޮތްތަކެއް ހަމަޖައްސައިދިނުން؛
- ޓްރަސްޓްގެ ހިދުމަތް ފޯރުކޮށްދ ފަރާތަކީ ކޮން ފަރާތެއްކަން އެނގޭނެ މައުލޫމާތު؛
- އިލެކްޓްރޯނިކް ސޮއިގައި ސޮއިކޮށްފައިވާ ފަރާތްކަމަށް ބަޔާންކޮށްފައިވާ ފަރާތަކީ، އެ ސޮއި ކުރިއިރު އިލެކްޓްރޯނިކް ސޮއިކުރުމަށް ބޭނުންކޮށްފައިވާ ކްރިއޭށަން ޑޭޓާގެ ކޮންޓްރޯލް އޮތް ފަރާތްކަން؛
- އިލެކްޓްރޯނިކް ސޮއިކުރުމަށް ބޭނުންކޮށްފައިވާ ކްރިއޭށަން ޑޭޓާއަކީ އިލެކްޓްރޯނިކް ސޮއިކުރި ވަގުތު ނުވަތަ އޭގެ ކުރިންވެސް ސައްހަ ޑޭޓާއެއްކަން.
- އިލެކްޓްރޯނިކް ސޮޔަކަށް ބަރޯސާވާ ފަރާތަކަށް ، އެ އިލެކްޓްރޯނިކް ސޮޔަކުން ނުވަތަ އެނޫން ގޮތަކުންވެސް އެކަށީގެންވާ ފަސ ހަކަމާއެކު އަންނަނިވި ކަންކަން ދެނެގަނެވޭނެ އިންތިޒާމު ހަމަޖައްސައިދިނުން؛
- ސޮއިކުރި ފަރާތް ދެނެގަތުމަށް ބޭނުންކުރި ގޮތް؛
- ކްރިއޭށަން ޑޭޓާ ބޭނުންކޮށްގެން ކޮށްފައިވާ އިލެކްޓްރޯނިކް ސޮއި ބޭނުންކުރުމުގެ މަގްސަދާ ނުވަތަ އެ ސޮއި ބޭނުންކުރެވިދާނެ މިންވަރާ ގުޅިގެން އެއްވެސް ހަނިކުރުމެއްވާނަމަ އެކަން؛
- ކްރިއޭށަން ޑޭޓާގެ ސައްހަކަމާއި، އެ ޑޭޓާއަށް އައިސްގެންނުވާނެފަދަ ބަދަލެއް އެ ޑޭޓާއަށް އައިސްފައިނެތްކަން ނުވަތަ އެ ޑޭޓާ އެނގެންނުޖެހޭ ފަރާތަކަށް އެނގިފައިނުވާކަން؛
- ޓްރަސްޓްގެ ހިދުމަތް ފޯރުކޮށްދ ފަރާތުން އުފުލަންޖެހޭ ޒިންމާ ކަނޑައަޅާފައިވާ ހާލަތުގައި، އެ ޒިންމާގެ ދާއިރާ ނުވަތަ އެ ޒިންމާގެ މިންވަރު ހަނިކޮށްފައިވާނަމަ، އެކަން؛
- މި ގާނޫނުގެ 27 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ސޮއިކުރި ފަރާތުން ނޯޓިސްދޭނެ ގޮތްތަކެއް ކަނޑައަޅާފައިވާކަން ނުވަތަ ނޫންކަން؛
- އެކަށީގެންވާ މުއްދަތެއްގައި ސޮއި އަނބުރާ ގެނައުމުގެ ހިދުމަތް ލިބިގެންވާކަން ނުވަތަ ނޫންކަން.
- މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގެ v ގައި ބަޔާންކުރާ ހިދުމަތެއް ފޯރުކޮށްދޭ ނަމަ، މި ގާނޫނުގެ 27 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ފަދައިން ސޮއިކުރާ ފަރާތުން ނޯޓިސްދެވޭނެ އިންތިޒާމު ހަމަޖެއްސުން އަދި މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގެ vi ގައި ބަޔާންކުރާ ހިދުމަތެއް ފޯރުކޮށްދޭ ނަމަ، އެކަށީގެންވާ މުއްދަތެއްގައި ސޮއި އަނބުރާ ގެނައުމުގެ ހިދުމަތެއް ލިބިފައިވާކަން ޔަގީންކުރުން؛
- ހިދުމަތް ފޯރުކޮށްދިނުމުގައި އިތުބާރުހިފޭ ސިސްޓަމްތަކާއި، އިޖުރާއަތުތަކާއި އިންސާނީ ވަސީލަތްތައް ބޭނުންކުރުން.
(ށ) ޓްރަސްޓްގެ ހިދުމަތްދޭ ފަރާތުން، އެ ހިދުމަތް ދިނުމުގައި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަކޮށްފައިނުވާނަމަ، އެފަރާތުން އެކަމުގެ ގާނޫނީ ޒިންމާ އުފުލަންވާނެއެވެ.
29 ވަނަ މާއްދާ - ޓްރަސްޓްގެ ހިދުމަތަށް ކުރެވޭ އިތުބާރު
ޓްރަސްޓްގެ ހިދުމަތް ފޯރުކޮށްދ ފަރާތަކުން ބޭނުންކުރާ އެއްވެސް ސިސްޓަމަކާމެދު ނުވަތަ އިޖުރާއަތަކާމެދު ނުވަތަ އިންސާނީ ވަސީލަތަކާމެދު އިތުބާރު އޮތްކަން ކަނޑައެޅުމުގައި ނުވަތަ އެ އިތުބާރު އޮތީ ކިހާ މިންވަރަކަށްކަން ވަޒަންކުރުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.
(ހ) މުދަލާއި، މާލީ އަދި އިންސާނީ ވަސީލަތްތައް؛
(ށ) ހާޑްވެއަރ އަދި ސޮފްޓްވެއަރގެ ފެންވަރު؛
(ނ) އިލެކްޓްރޯނިކް ސޮއި ޕްރޮސެސްކުރުމާއި، އިލެކްޓްރޯނިކް ސޮއި އަދި ޓްރަސްޓްގެ ހިދުމަތަކާގުޅޭ އެޕްލިކ ށަންތަކާއި ރިކޯޑު ބެހެއްޓުމާ ގުޅޭ ގޮތުން ކަނޑައަޅާފައިވާ އިޖުރާއަތުތައް؛
(ރ) ސޮއިކޮށްފައިވާ ފަރާތްކަމަށް އިލެކްޓްރޯނިކް ސޮއިގައި ބަޔާންކުރާ ފަރާތަށާއި، ޓްރަސްޓްގެ ހިދުމަތް ބޭނުންކުރާ އެހެނިހެން ފަރާތްތަކަށާއި، އިލެކްޓްރޯނިކް ސޮޔަށާއި ޓްރަސްޓްގެ ހިދުމަތަށް ބަރޯސާވާ ފަރާތްތަކަށް، މައުލޫމާތު ލިބެންހުރި މިންވަރު؛
(ބ) މުސްތަގިއްލު ފަރާތެއް މެދުވެރިކޮށް ގަވާއިދުން އޮޑިޓްކުރަމުންދާ މިންވަރު އަދި އޮޑިޓްގެ ދާއިރާ؛
(ޅ) މި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާކަން ނުވަތަ އެކަންކަމާ އެއްގޮތަށް އަމަލުކުރާކަމަށް ޓްރަސްޓްގެ ހިދުމަތްދޭ ފަރާތުން ނުވަތަ އެކްރެޑިޓްކުރާ ފަރާތަކުން ބަޔާންކުރާ އިގުރާރެއް އޮތުން؛
(ކ) އެނޫންވެސް ކަމާގުޅުންހުރި ކަންކަން.
30 ވަނަ މާއްދާ - ޓްރަސްޓްގެ ހިދުމަތަށް ބަރޯސާވާ ފަރާތުން އަމަލުކުރަންވީ ގޮތް
ޓްރަސްޓްގެ ހިދުމަތަކަށް ބަރޯސާވާ ފަރާތަކުން އަންނަނިވި ގޮތުގެމަތިން އަމަލުކުރަންވާނެއެވެ. އަދި، އެގޮތުގެމަތިން އެފަރާތުން އަމަލުނުކޮށްފިނަމަ، އެކަމުގެ ގާނޫނީ ޒިންމާ އެފަރާތުން އުފުލަންވާނެއެވެ.
(ހ) އިލެކްޓްރޯނިކް ސޮޔަށް ބަރޯސާވެވޭ މިންވަރު ކަށަވަރުކުރުމަށް އެކަށީގެންވާ ފިޔަވަޅު އެޅުން؛ ނުވަތަ
(ށ) އިލެކްޓްރޯނިކް ސޮޔަށް ބާރުދިނުމުގެގޮތުން ސެޓިފިކެޓެއް ބޭނުންކޮށްފައިވާ ހާލަތްތަކުގައި، އަންނަނިވި ފަދައިން އެކަށީގެންވާ ފިޔަވަޅު އެޅުން:
- ސެޓިފިކެޓުގެ ސައްހަކަމާއި، ސެޓިފިކެޓު ވަގުތީގޮތުން ސަސްޕެންޑުކުރެވިފައި ނުވާކަން، ނުވަތަ ސެޓިފިކެޓު ބާތިލުކޮށްފައިނުވާކަން ކަށަވަރުކުރުން؛ އަދި
- ސެޓިފިކެޓު ބޭނުންކުރުމުގެ ދާއިރާ އެއްވެސް ވަރަކަށް ހަނިކޮށްފައިވާނަމަ އެކަން ދެނެގަތުން.
31 ވަނަ މާއްދާ - ވަނަ މާއްދާ - ދިވެހިރާއްޖެއިން ބޭރުގެ ޓްރަސްޓްގެ ހިދުމަތްތައް ބަލައިގަތުން
(ހ) ޓްރަސްޓްގެ ހިދުމަތެއް ގާނޫނީގޮތުން ބަލައިގަނެވ ކަން ކަނޑައެޅުމުގައި ނުވަތަ ބަލައިގަނެވޭނެ ދާއިރާ ކަނޑައެޅުމުގައި، އަންނަނިވި ކަންކަމަށް ރިއާޔަތްކޮށްގެން ނުވާނެއެވެ.
- ޓްރަސްޓްގެ ހިދުމަތް އުފައްދާފައިވާ ނުވަތަ އެ ހިދުމަތް ބޭނުންކުރާ ޖިއޮގްރަފިކް ތަން؛ ނުވަތަ
- ޓްރަސްޓްގެ ހިދުމަތް ދޫކުރާ ފަރާތުން ނުވަތަ ސޮއިކުރާ ފަރާތުން ނުވަތަ ހިދުމަތް ބޭނުންކުރާ ފަރާތުން މުއާމަލާތް ހިންގިއިރު ގާއިމުވެހުރި ޖިއޮގްރަފިކް ތަން.
(ށ) ދިވެހިރާއްޖެއިން ބޭރުގައި އުފައްދާފައިވާ ނުވަތަ ބޭނުންކުރަމުންދާ ޓްރަސްޓްގެ ހިދުމަތަކީ ދިވެހިރާއްޖޭގައި އުފައްދާފައިވާ ނުވަތަ ބޭނުންކުރަމުންދާ އިލެކްޓްރޯނިކް ސޮޔަކާ ބޮޑު ނިސްބަތަކުން އެއް މިންވަރަކަށް އިތުބާރުހިފޭ ހިދުމަތެއްކަމުގައި ވާނަމަ، އެ ޓްރަސްޓްގެ ހިދުމަތުގެ ގާނޫނީ ބާރާއި، ދިވެހިރާއްޖޭގައި އުފައްދާފައިވާ ނުވަތަ ބޭނުންކުރަމުންދާ އިލެކްޓްރޯނިކް ސޮޔަށް ލިބިދ ގާނޫނީ ބާރާ އެއްފަދަވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި ޓްރަސްޓް ގެ ހިދުމަތަކީ ބޮޑު ނިސްބަތަކުން އެއް މިންވަރަކަށް އިތުބާރުހިފޭ ހިދުމަތެއްކަމުގައި ކަނޑައެޅުމުގައި، ކަމާގުޅޭ ބައިނަލްއަގްވާމީ މިންގަނޑުތަކަށާއި އެނޫންވެސް ކަމާގުޅުންހުރި އުސޫލުތަކަށް ރިއާޔަތްކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ށ) އަދި (ނ) އެހެން އޮތްނަމަވެސް، ވަކި ކަހަލަ ޓްރަސްޓްގެ ހިދުމަތްތަކެއް ބޭނުންކުރުމަށް ދެފަރާތުގެ ދެމެދުގައި އެއްބަސްވެފައިވާނަމަ، އަދި އެ އެއްބަސްވުމަކީ ގާނޫނީގޮތުން ސައްހަ އެއްބަސްވުމެއްކަމުގައި ވާނަމަ ނުވަތަ ގާނޫނީ ބާރާއެކު ތަންފީޒުކުރެވޭނެ އެއްބަސްވުމެއްކަމުގައި ވާނަމަ، އެ އެއްބަސްވުމަކީ އެ އެއްބަސްވުމާ ގުޅުންހުރި ގައުމުތަކުގެ މެދުގައި އެ ހިދުމަތް ގާނޫނީގޮތުން ބަލައިގަތުމަށް އެކަށީގެންވާ އެއްބަސްވުމެއްކަމަށް ބެލެވޭނެއެވެ.
ފަސްވަނަ ބާބު
އެހެނިހެން ކަންކަން
32 ވަނަ މާއްދާ - ގަވާއިދު ހެދުން
(ހ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، މި ގާނޫނުގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި ނުވަތަ މި ގާނޫނުގައިވާ ކަންކަން ތަންފީޒުކުރުމަށްޓަކައި، އެކުލަވާލަންޖެހޭ ގަވާއިދުތައް އެކުލަވާލާނީ މިނިސްޓްރީންނެވެ.
(ށ) މި ގާނޫނުގެ ދަށުން އެކްރެޑިޓްކޮށްފައިވާ ޓްރަސްޓްގެ ހިދުމަތްދޭ ފަރާތްތަކުގެ ދަފްތަރެއް އާންމުކޮށް ފެންނާނެހެން މިނިސްޓްރީން ގާއިމުކުރަންވާނެއެވެ. އަދި ޓްރަސްޓްގެ ހިދުމަތް އެކްރެޑިޓްކުރުމާގުޅޭ އުސޫލުތަކާއި އިޖުރާއަތުތައް، އަދި އެކްރެޑިޓ ށަނާ ގުޅޭ ގޮތުން މިނިސްޓްރީން ނިންމާ ނިންމުމެއް އިސްތިއުނާފުކުރެވޭނެ ހަމަތައް ބަޔާންކުރާ ގަވާއިދު، އަންނަނިވި ކަންކަން ހިމެނޭ ގޮތުގެމަތިން އެކުލަވާލަންވާނެއެވެ.
- ޓްރަސްޓްގެ ހިދުމަތްދޭ ފަރާތްތައް އެކްރެޑިޓްކުރުން؛
- އެކްރެޑިޓ ށަން އާކުރުން؛
- އެކްރެޑިޓްކުރެވިފައިވާ ޓްރަސްޓްގެ ހިދުމަތްދޭ ފަރާތްތަކުން އަމަލުކުރުމަށް ކަނޑައަޅާފައިވާ ކަންކަން ފުރިހަމަވެފައިވާކަން ބެލުން؛
- އެކްރެޑިޓްކުރެވިފައިވާ ޓްރަސްޓްގެ ހިދުމަތްދޭ ފަރާތްތަކުން ފޯރުކޮށްދ ހިދުމަތްތަކުން ނުކުމެދާނެ ގާނޫނީ ނަތީޖާ.
(ނ) މި ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 10 (ދިހައެއް) މަސްދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
33 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން
މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
34 ވަނަ މާއްދާ - މާނަކުރުން
މި ގާނޫނުގައި އިބާރާތެއް ނުވަތަ ލަފްޒެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާ ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފްޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފްޒުތަކަށް ތިރީގައި ދީފައި އެވާ މާނަކުރުމެވެ.
(ހ) "އޮޓަމޭޓަޑް ޑޭޓާ މެސެޖު ސިސްޓަމް" ކަމަށް ބުނެފައި އެވަނީ، ކޮމްޕިއުޓަރ ޕްރޮގްރާމަކުން، ނުވަތަ އިލެކްޓްރޯނިކް ވަސީލަތަކުން ނުވަތަ ތަބީއީ ށަހްސެއްގެ އެއްވެސް އެހީއަކާ ނުލައި، މުއާމަލާތުކުރެވޭނެ ގޮތްތަކަކަށެވެ. އަދި އެ ގޮތްތަކަކީ، އެއްވެސް ކަމެއް ފަށާއިރު ނުވަތަ ޖަވާބުދޭ ކޮންމެ ފަހަރަކު،ތަބީއީ ށަހްސެއްގެ އެއްވެސް އެހީތެރިކަމެއް ނުވަތަ ބެލުމެއްނެތި، ޑޭޓާ މެސެޖަކަށް، އެއްކޮށް ނުވަތަ އޭގެ ބަޔަކަށް، އަމަލުކުރެވޭނެ ނުވަތަ ޖަވާބުދެވޭނެ ގޮތްތަކެކެވެ.
(ށ) "ސެޓިފިކެޓު" ކަމަށް ބުނެފައި އެވަނީ، ސޮއިކުރާ ފަރާތާއި ސޮއިގެ ކްރިއޭށަން ޑޭޓާއާ ދެމެދު އޮންނަ ގުޅުން ކަށަވަރުކޮށްދ ޑޭޓާ މެސެޖެއް ނުވަތަ އެނޫން ރިކޯޑަކަށެވެ.
(ނ) "ޓްރަސްޓްގެ ހިދުމަތްދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، އިލެކްޓްރޯނިކް ސޮޔާގުޅޭ ސެޓިފިކެޓު ދޫކުރުން އަދި ބެލެހެއްޓުން ހިމެނޭ ގޮތަށް، ޓްރަސްޓްގެ ހިދުމަތެއް ނުވަތަ ޓްރަސްޓްގެ އެއް ހިދުމަތަށްވުރެ ގިނަ ހިދުމަތްދޭ ފަރާތަކަށެވެ.
(ރ) "މުއާސަލާތު" ކަމަށް ބުނެފައި އެވަނީ، ހުށަހެޅުމެއް ހުށަހެޅުމާއި، އެ ހުށަހެޅުން ގަބޫލުކުރުން ހިމެނޭ ގޮތުން، ދެފަރާތުން އެ ގޮތް އިހްތިޔާރުކުރުމުގެ ސަބަބުން ނުވަތަ އެ ގޮތް އިހްތިޔާރުކުރުމަށް ލާޒިމުވެގެން ދ ބަޔާނެއް ނުވަތަ ޑިކްލަރ ށަނެއް ނުވަތަ ޑިމާންޑެއް ނުވަތަ ނޯޓިހެއް ނުވަތަ ރިކުއެސްޓަކަށެވެ.
(ބ) "އިލެކްޓްރޯނިކް މުއާސަލާތު" ކަމަށް ބުނެފައި އެވަނީ، އެއްވެސް ފަރާތަކުން ޑޭޓާ މެސެޖު މެދުވެރިކޮށް ކުރާ ކޮންމެ މުއާސަލާތަކަށެވެ.
(ޅ) "އިލެކްޓްރޯނިކް ސޮއި" ކަމަށް ބުނެފައި އެވަނީ، ޑޭޓާ މެސެޖުގައި ސޮއިކުރި ފަރާތް ދެނެގަތުމުގެގޮތުން އަދި ޑޭޓާ މެސެޖުގައިވާ މައުލޫމާތާ ގުޅިގެން ސޮއިކުރި ފަރާތުގެ ނިޔަތް ހާމަކުރުމުގެގޮތުން، ޑޭޓާ މެސެޖާއެކު ހިމަނާފައިވާ ނުވަތަ އާންމު ހަމަތަކުން ބަލާއިރުވެސް އެ ޑޭޓާ މެސެޖަކާ ގުޅިފައިވާ، އިލެކްޓްރޯނިކް ޑޭޓާއަށެވެ.
(ކ) "އިންފޮމޭށަން ސިސްޓަމް" ކަމަށް ބުނެފައި އެވަނީ، ޑޭޓާ މެސެޖު ޖެނެރޭޓްކުރުމަށް، ނުވަތަ ފޮނުވުމަށް، ނުވަތަ ލިބުމަށް، ނުވަތަ ރައްކާކުރުމަށް، ނުވަތަ ޕްރޮސެސްކުރުމަށް ބޭނުންކުރާ ސިސްޓަމަށެވެ.
(އ) "މެދުވެރިއެއް" ކަމަށް ބުނެފައި އެވަނީ، ވަކި ޑޭޓާ މެސެޖަކާ ގުޅޭ ގޮތުން، އެއްވެސް ފަރާތަކުން އެހެން ފަރާތެއްގެ ބަދަލުގައި، ޑޭޓާ މެސެޖު ފޮނުވައި، ލިބިގަނެ، ނުވަތަ ރައްކާކޮށް ނުވަތަ އެ ޑޭޓާ މެސެޖާގުޅޭ އެހެނިހެން ހިދުމަތްތައް ފޯރުކޮށްދ ފަރާތަކަށެވެ.
(ވ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، މައުލޫމާތާއި މުއާސަލާތުގެ ޓެކްނޮލޮޖީއާގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ ޒިންމާ އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
(މ) "މުއާމަލާތުގެ ބައިވެރިން ގާއިމުވެހުރި ތަން" ކަމަށް ބުނެފައި އެވަނީ، މުދަލެއް ނުވަތަ ހިދުމަތެއް ވަގުތީގޮތުން ވަކި ސަރަހައްދަކުން ފޯރުކޮށްދިނުން ނުހިމެނޭ ގޮތަށް، އިގްތިސާދީ ހަރަކާތެއް ހިންގުމަށްޓަކައި، އާންމުގޮތެއްގައި ގާއިމުވެ ހުންނަ ތަނަކަށެވެ.
(ފ) "ބަރޯސާވާ ފަރާތް" ކަމަށް ބުނެފައި އެވަނީ، އިލެކްޓްރޯނިކް ސޮޔެއްގެ މައްޗަށް ބިނާކޮށް އެއްވެސް ފިޔަވަޅެއް އަޅާނެ ފަރާތަކަށެވެ.
(ދ) "ސޮއިކުރި ފަރާތް" ކަމަށް ބުނެފައި އެވަނީ، ސޮއިކުރުމަށް ބޭނުންކޮށްފައިވާ ކްރިއޭށަން ޑޭޓާ ގެންގުޅޭ އަދި އެހެން ފަރާތެއް ތަމްސީލުކުރުމުގެގޮތުން ނުވަތަ އަމިއްލަ ހައިސިއްޔަތުން ފިޔަވަޅު އަޅާ ފަރާތަކަށެވެ.
(ތ) "މައުލޫމާތު" ކަމަށް ބުނެފައި އެވަނީ، ޑޭޓާއާއި، ޓެކްސްޓާއި، ތަސްވީރާއި، އަޑާއި، ކޯޑުތަކާއި، ކޮމްޕިއުޓަރ ޕްރޮގްރާމްތަކާއި، ސޮފްޓްވެއަރ އަދި ޑޭޓާބޭސް ހިމެނޭ ގޮތުންނެވެ.
(ލ) "ޖެނެރޭޓްކޮށްފައިވުން" ކަމަށް ބުނެފައި އެވަނީ، އިލެކްޓްރޯނިކް،މެގްނެޓިކް، އޮޕްޓިކަލް ނުވަތަ އެނޫންވެސް އެފަދަ ވަސީލަތެއް މެދުވެރިކޮށް މައުލޫމާތެއް އުފެއްދުމަށް ނުވަތަ ވުޖޫދަށް ގެނައުމަށެވެ.
(ގ) "ފަހުން ބޭނުންކުރުމަށް ވާސިލުވެވޭ ގޮތަށް ހުރުން" ކަމަށް ބުނެފައި އެވަނީ، މައުލޫމާތެއް ރައްކާކުރެވިފައިވާ ވަސީލަތަކުން އެ މައުލޫމާތެއް ހޯދައި، ނަގައި، ބެލޭނެ، އަދި ފަހުން އޭގެ ކޮޕީއެއް ހައްދައިގެން ނުވަތަ އެނޫންވެސް ގޮތަކަށް އެ މައުލޫމާތު ރިކޯޑުކުރެވޭނެ ނުވަތަ ނަކަލުކުރެވޭނެ ގޮތަކަށް އެ ވަސީލަތެއްގައި އެ މައުލޫމާތު ހުރުމަށެވެ.
(ޏ) "އޮޓަމެޓިކުން އޮޕަރޭޓްކުރަން ޕްރޮގްރާމްކޮށްފައިވާ އިންފޮމޭށަން ސިސްޓަމް" ކަމަށް ބުނެފައި އެވަނީ، ކޮމްޕިއުޓަރ ޕްރޮގްރާމަކުން،އިލެކްޓްރޯނިކް ވަސީލަތަކުން ނުވަތަ ތަބީއީ ށަހްސެއްގެ އެއްވެސް އެހީއަކާ ނުލައި، މުއާމަލާތުކުރެވޭނެ ގޮތަކަށް، އަދި އެ ގޮތްތަކަކީ އެއްވެސް ކަމެއް ފަށާއިރު ނުވަތަ ޖަވާބުދޭ ކޮންމެ ފަހަރަކު، ތަބީއީ ށަހްސެއްގެ އެއްވެސް އެހީތެރިކަމެއް ނުވަތަ ބެލުމެއްނެތި، އިންފޮމޭށަން ސިސްޓަމަކަށް، އެއްކޮށް ނުވަތަ އޭގެ ބަޔަކަށް،އަމަލުކުރެވޭނެ ނުވަތަ ޖަވާބުދެވޭނެ ގޮތަކަށް ހިނގާ އިންފޮމޭށަން ސިސްޓަމަކަށެވެ.
(ސ) "ޑޭޓާ މެސެޖު" ނުވަތަ "މެސެޖު" ކަމަށް ބުނެފައި އެވަނީ، އިލެކްޓްރޯނިކް، މެގްނެޓިކް، އޮޕްޓިކަލް ނުވަތަ އެފަދަ ވަސީލަތެއް މެދުވެރިކޮށް ޖެނެރޭޓްކޮށްފައިވާ ނުވަތަ ފޮނުވާފައިވާ ނުވަތަ ލިބިފައިވާ ނުވަތަ ރައްކާކުރެވިފައިވާ މައުލޫމާތަކަށެވެ.
(ޑ) "އޮރިޖިނޭޓަރު" ކަމަށް ބުނެފައި އެވަނީ، އިލެކްޓްރޯނިކް މުއާސަލާތެއްގެ އެއްވެސް މިންވަރެއް ރައްކާކޮށްފައިވާނަމަ، އެ އިލެކްޓްރޯނިކް މުއާސަލާތު ރައްކާކުރުމުގެ ކުރިން، އެ އިލެކްޓްރޯނިކް މުއާސަލާތެއް ފޮނުވި ނުވަތަ ޖެނެރޭޓްކުރި ފަރާތް ނުވަތަ އެފަދަ ފަރާތެއް ތަމްސީލުކުރި ފަރާތަކަށެވެ. ނަމަވެސް، އެ މާނައިގެ ތެރޭގައި އިލެކްޓްރޯނިކް މުއާސަލާތަކާ ގުޅިގެން މެދުވެރިއެއްގެ ރޯލު އަދާކޮށްފައިވާ ފަރާތެއް ނުހިމެނޭެއެވެ.
(ޒ) "މެސެޖު އެޑްރެސްކޮށްފައިވާ ފަރާތް" ކަމަށް ބުނެފައި އެވަނީ، އޮރިޖިނޭޓަރު ފޮނުވި އިލެކްޓްރޯނިކް މުއާސަލާތް ރައްދުކުރުމަށް އޮރިޖިނޭޓަރު ގަސްދުކުރާ ފަރާތަކަށެވެ. ނަމަވެސް، އެ މާނައިގެ ތެރޭގައި، އެ އިލެކްޓްރޯނިކް މުއާސަލާތާ ގުޅިގެން މެދުވެރިއެއްގެ ދައުރު އަދާކުރާ ފަރާތެއް ނުހިމެނޭެއެވެ.
(ޓ) "ޓްރަސްޓްގެ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، އިލެކްޓްރޯނިކް ސޮޔާއި، އިލެކްޓްރޯނިކް ޓައިމް ސްޓ މްޕާއި، އިލެކްޓްރޯނިކް ރަޖިސްޓަރޑް ޑެލިވަރީއާއި، އިލެކްޓްރޯނިކް އާކައިވްކުރުން ހިމެނޭ ގޮތުން، ޑޭޓާގެ ފެންވަރުގެގޮތުން އެކަށީގެންވާ މިންވަރަކަށް ބަރޯސާވެވޭނެ އިލެކްޓްރޯނިކް ހިދުމަތަކަށެވެ.
(ޔ) "ޓެކްނޮލޮޖީ ނިއުޓްރަލިޓީ" ކަމަށް ބުނެފައި އެވަނީ، އެއްވެސް ގާނޫނަކުން ނުވަތަ ގަވާއިދަކުން ވަކި ބާވަތެއްގެ ޓެކްނޮލޮޖީއަކަށް ނުވަތަ ވަކިގޮތެއް ބޭނުންކުރުމަކަށް ނުވަތަ ޓެކްނޮލޮޖީގެ އުފެއްދުމަކަށް ވަކި އިސްކަމެއް ދިނުމެއްނެތި، ޓެކްނޮލޮޖީގެ ހުރިހާ ބާވަތަކަށްވެސް އެއް ހަމައަކުން ރިއާޔަތްކުރުމުގެ އުސޫލަށެވެ.
(ޕ) "ފަންކްށަނަލް އިކުއިވެލަންސް" ކަމަށް ބުނެފައި އެވަނީ، ކަރުދާހުން ކުރެވޭ މުއާމަލާތްތަކާ އެއްހަމައަކުން އަދި އެއްގޮތަކަށް އިލެކްޓްރޯނިކް މުއާމަލާތްތަކާ މެދުގައިވެސް އަމަލުކުރުމުގެ އުސޫލަށެވެ.
(ޖ) "ކްރިއޭށަން ޑޭޓާ" ކަމަށް ބުނެފައި އެވަނީ، އިލެކްޓްރޯނިކް ސޮޔެއް އުފެއްދުމަށް ބޭނުންކުރާ ޑޭޓާއަށެވެ.
(ޗ) "ތަފާތުނުކުރުން" ކަމަށް ބުނެފައި އެވަނީ، އިލެކްޓްރޯނިކް ޒަރީއާއިން ކުރެވޭ މުއާމަލާތްތައް، ހަމައެކަނި އިލެކްޓްރޯނިކް ސިފައެއްގައި އޮތުމުގެ ސަބަބުން، ކަރުދާހުން ކުރެވޭ މުއާމަލާތަކާ ތަފާތުކުރުމެއްނެތި އިލެކްޓްރޯނިކް މުއާމަލާތަކަށް ލިބިދޭން ޖެހޭ ގާނޫނީ ހައިސިއްޔަތު ލިބިދިނުމަށް އެއްވެސް އިއުތިރާޟެއް ނެތުމަށާއި، އިލެކްޓްރޯނިކް މުއާމަލާތްތައް ކަރުދާހުން ކުރެވޭ މުއާމަލާތްތަކާ އެއްވެސް ސިފައެއްގައި ތަފާތުނުކުރުމަށެވެ.
(ހހ) "އިންޕުޓް އެރަރ" ކަމަށް ބުނެފައި އެވަނީ، އިންފޮމޭށަން ސިސްޓަމެއް ނުވަތަ އޮޓަމޭޓަޑް ޑޭޓާ މެސެޖު ސިސްޓަމަކަށް ޑޭޓާ އެންޓަރކުރާ މަރުހަލާގައި، އެ ޑޭޓާ އެންޓަރކުރާ ފަރާތަށް ޑޭޓާ އެންޓަރކުރުމުގައި ހެދ އެއްވެސް ކަހަލަ ގޯހެއް ނުވަތަ ކުށަކަށެވެ.
ކިޔުންތެރިންގެ ހިޔާލު