-

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރެޔަށް ފެތޭ އުޅަނދުތަކާއި އުރޭ އުޅަނދުތަކާ ބެހޭ ގާނޫނު

(ގާނޫނު ނަންބަރު 1996-07)

(މި ގާނޫނު ވަނީ ގާނޫނު ނަންބަރ 35/2015 ގެ 8 ވަނަ މާއްދާއިން އުވާލެވިފައި)

1 ވަނަ މާއްދާ - ތައާރުފް

މި ގާނޫނަކީ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރެޔަށް ފެތޭ އަދި އުރޭ ކަނޑު ދަތުރުކުރާ އުޅަނދުތަކާ ބެހޭ ގާނޫނެވެ. މިގާނޫނަށް ކިޔާނީ "ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރެޔަށް ފެތޭ އުޅަނދުތަކާއި އުރޭ އުޅަނދުތަކާ ބެހޭ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - ފެތިފައިވާ ނުވަތަ އުރިފައިވާ އުޅަނދެއް ފެނިއްޖެނަމަ އަމަލު ކުރަންވީ ގޮތް

(ހ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ އެއްވެސް ތަނަކަށް ފެތިފައިވާ ނުވަތަ އުރިފައިވާ އުޅަނދެއް ފެނިއްޖެނަމަ، އެ އުޅަނދެއް ފެނުނު ފަރާތަކުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސަށް، ނުވަތަ އެންމެ ކައިރީގައިވާ ރަށު އޮފީހަކަށް ނުވަތަ އަތޮޅު އޮފީހަކަށް ވަގުތުން އެކަން އަންގަން ވާނެއެވެ.

(ށ) މިމާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އެ އުޅަނދަކާ ބެހޭ މައްލޫމާތު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސަށް ލިބުމުން، އެ މިނިސްޓްރީން ލަސްނުކޮށް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީ އަށް އެމައްލޫމާތު ދޭންވާނެ އެވެ. އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ އެއްވެސް ތަނަކަށް ފެތިފައިވާ ނުވަތަ އުރިފައިވާ އުޅަނދަކާ ބެހޭ މައްލޫމާތު ރަށުއޮފީހަކަށް ލިބިއްޖެނަމަ، އެ އޮފީހަކުން ލަސްނުކޮށް މިނިސްޓްރީ އޮފް ޓްރާނސްޕޯޓް އެންޑް ކޮމިއުނިކޭށަންސަށާއި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީ އަށް އެމައްލޫމާތު ދޭންވާނެ އެވެ.

 

3 ވަނަ މާއްދާ- ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދެއް ފެތިއްޖެނަމަ ނުވަތަ އުރިއްޖެނަމަ އެ އުޅަނދަކާ ބެހޭ މައުލޫމާތު ދިނުން

(ހ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރެއިން އެއްވެސް ތަނަކަށް، މިމާއްދާގެ(ނ) އިން އިސްތިސްނާ ކޮށްފައިވާ އުޅަނދުތައް ފިޔަވައި، އެހެން އުޅަނދެއް ފެތިއްޖެނަމަ، ނުވަތަ، އުރިއްޖެނަމަ، އެ އުޅަނދެއްގެ ވެރިފަރާތުން މިނިސްޓްރީ އޮފް ޓަރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސަށް، ނުވަތަ އެންމެ ކައިރީގައިވާ ރަށު އޮފީހަކަށް ނުވަތަ އަތޮޅު އޮފީހަކަށް، ތިރީގައިވާ މައްލޫމާތު ވީހާ އަވަހަކަށް ދޭންވާނެއެވެ.

  1. އުޅަނދުގެ ވެރިފަރާތުގެ ނަމާއި އެޑްރެސް.
  2. އުޅަނދުގެ ރަޖިސްޓަރީ ނަންބަރު.
  3. އުޅަނދު ފެތުނު ނުވަތަ އުރުނު ތަނާއި، ދުވަހާއި، ގަޑި.
  4. އުޅަނދު ފެތެން ނުވަތަ އުރެން ދިމާވި ސަބަބު.

(ށ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ އެއްވެސް ތަނަކަށް ބޭރުދަތުރުކުރާ އުޅަނދެއް ފެތިއްޖެނަމަ، ނުވަތަ އުރިއްޖެނަމަ، އެއުޅަނދަކާބެހޭ މައްލޫމާތު ދޭނީ، މިގާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިންނެވެ.

(ނ) ތިރީގައި މިނަންގަނެވޭ އުޅަނދުތައް މިމާއްދާގެ (ހ) އިން އިސްތިސްނާ ވާނެއެވެ.

  1. ބޮއްކުރައާއި، 7 މީޓަރަށްވުރެ ކުދި، މަތި ހިޔާނުކޮށް ހުންނަ ލާންޗް.
  2. ފެތުމުން ނުވަތަ އުރުމުން އުޅަނދެއްގައިވާ މުދާ ބޭލުމަކާއިނުލައި އެއުޅަނދެއްގައި ތިބި މީހުން އަމިއްލައަށް ފުންކުރާ ނުވަތަ ނަގާ އުޅަނދު.
  3. ރަށްރަށުގައި ފަޅުތެރެއަށާއި ނެރުމަށްޗައް ފެތުމުން، ނުވަތަ އުރުމުން، އެ އުޅަނދަކުން ތިމާވެށްޓައް ގެއްލުމެއް ލިބޭފަދަ އެއްޗެއް ފަޅުތެރެއަށް އެޅުމަކާނުލައި، އެރަށެއްގެ ރަށުއޮފީހުން ދޭ މުއްދަތެއްގެ ތެރޭގައި ފުންކުރާ ނުވަތަ ނަގާ އުޅަނދު.

(ރ)  އުޅަނދެއް ފެތިއްޖެކަމުގެ ނުވަތަ އުރިއްޖެކަމުގެ މައްލޫމާތު، އެ އުޅަނދެއްގެ ވެރިފަރާތުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސަށް ދިނުމުން، އެ މިނިސްޓްރީން ލަސްނުކޮށް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީ އަށް އެމައްލޫމާތު ދޭންވާނެއެވެ.

 

4 ވަނަ މާއްދާ - ފެތޭ ނުވަތަ އުރޭ ބޭރު ދަތުރުކުރާ އުޅަނދުތަކާ ބެހޭ މައްލޫމާތު ދިނުން

(ހ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރެއިން އެއްވެސް ތަނަކަށް ބޭރުދަތުރުކުރާ އުޅަނދެއް ފެތިއްޖެނަމަ، ނުވަތަ އުރިއްޖެނަމަ، އެ އުޅަނދެއްގެ ވެރި ފަރާތުން، މިނިސްޓްރީއޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސަށް، ނުވަތަ އެމިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް، ތިރީގައި މިވާ މައްލޫމާތު ވަގުތުން ދީ، އެ އުޅަނދެއް ނެގުމުގެ ނުވަތަ ފުންކުރުމުގެ މަސައްކަތް ފަށަން ވާނެއެވެ.

  1. އުޅަނދުގެ ނަމާއި، ރަޖިސްޓަރީ ނަންބަރާއި، ޓަނޭޖާއި، އުޅަނދު ރަޖިސްޓަރީ ކޮށްފައިވާ ގައުމާއި، އުޅަނދުގައި ތިބި މީހުންގެ އަދަދާއި، އެމީހުންގެ ގައުމީ ނިސްބަތް.
  2. އުޅަނދުގެ ވެރިފަރާތުގެ ނަމާއި، އެޑްރެހާއި، ގައުމީ ނިސްބަތް.
  3. އުޅަނދު ފެތުނު ނުވަތަ އުރުނު ތަނާއި، ދުވަހާއި، ގަޑި
  4. އުޅަނދުގައި ހުރި މުދަލުގެ ބާވަތާއި، މިންވަރު.
  5. އުޅަނދު ފެތެން ނުވަތަ އުރެން ދިމާވި ސަބަބު.
  6. އުޅަނދު ބަނދެފައިވާ އެއެއްޗެއްގެ ބާވަތާއި، އުޅަނދުގެ ބާވަތް.
  7. އުޅަނދުން އެއްވެސް އެއްޗެއް ބާލާފައިވާނަމަ، ނުވަތަ ކަނޑަށް އަޅާފައި ނުވަތަ އެޅިފައިވާނަމަ، އެ އެއްޗެއްގެ ބާވަތާއި، މިންވަރު.

(ށ) އުޅަނދެއް ފެތިއްޖެކަމުގެ ނުވަތަ އުރިއްޖެކަމުގެ މައްލޫމާތު، އެ އުޅަނދެއްގެ ވެރިފަރާތުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސަށް ދިނުމުން، އެ މިނިސްޓްރީން ލަސްނުކޮށް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީއަށް އެ މައްލޫމާތު ދޭންވާނެ އެވެ.

 

5 ވަނަ މާއްދާ - އުޅަނދެއް ފެތިފައިވާ ނުވަތަ އުރިފައިވާ ތަން ފާހަގަ ކުރުން

(ހ) އުޅަނދެއް ފެތިއްޖެނަމަ، ނުވަތަ އުރިއްޖެނަމަ، އެ އުޅަނދެއް އޮތްތަން އެނގޭގޮތަށް، އަދި ދަތުރުވެރިންނަށް ރައްކާތެރި ކަމާއެކު ދަތުރުކުރަން އެނގޭ ގޮތަށް، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސުން ކަނޑައަޅާ ގޮތެއްގެ މަތިން، އެ އުޅަނދެއްގެ ވެރިފަރާތުން އެތަނެއް ފާހަގަ ކުރަން ވާނެއެވެ. އަދި އެހިސާބުން ދަތުރުކުރާ އުޅަނދުތަކަށާއި، ތިމާވެށްޓަށް ގެއްލުމެއްވިޔަ ނުދިނުމަށްޓަކައި އެޅެންހުރި ހުރިހާ ފިޔަވަޅެއް އެ އުޅަނދެއްގެ ވެރިފަރާތުން އަޅަންވާނެއެވެ.

(ށ) މިމާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ގޮތުގެމަތިން، އުޅަނދުގެ ވެރިފަރާތުން އަމަލު ނުކޮށްގެން، އެ އުޅަނދެއް އޮތްތަން ސަރުކާރުގެ ފަރާތުން ފާހަގަކުރަން ޖެހިއްޖެނަމަ، ނުވަތަ ތިމާވެއްޓަށް ގެއްލުމެއްވިޔަ ނުދިނުމަށްޓަކައި ސަރުކާރުން ހަރަދެއް ކޮށްގެން ކަމެއްކުރަން ޖެހިއްޖެނަމަ، މިކަންކަމަށް ސަރުކާރުން ކުރާ ހުރިހާ ހަރަދެއް އެ އުޅަނދެއްގެ ވެރިފަރާތުން ސަރުކާރަށް ދޭންވާނެއެވެ.

 

6 ވަނަ މާއްދާ - ފެތިފައިވާ ނުވަތަ އުރިފައިވާ އުޅަނދަކަށް އަރާފޭބުން

(ހ) ފެތިފައިވާ ނުވަތަ އުރިފައިވާ ބޭރުދަތުރުކުރާ އުޅަނދަކަށް އަރާފައިބާ ހަދަންވާނީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީން، ނުވަތަ އެ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ހުއްދަ ލިބިގެންނެވެ. މީގެ ތެރޭގައި، މީހުންގެ ފުރާނަ ސަލާމަތް ކުރުމަތް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއް އެޅުމަށްޓަކައި، އެ ފަދަ އުޅަނދުތަކަށް އަރާފޭބުމެއް ނުހިމެނެއެވެ.

(ށ) ފެތިފައިވާ ނުވަތަ އުރިފައިވާ ބޭރުދަތުރުކުރާ އުޅަނދެއް ފުންކުރުމަށް ނުވަތަ ނެގުމަށްޓަކައި، އެ އުޅަނދަކަށް އަރާފައިބާ ހަދަން ވާނީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސުން ނުވަތަ އެ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ހުއްދަ ލިބިގެންނެވެ.

(ނ) މީހުން ފުރާނަ ސަލާމަތް ކުރުމަށްޓަކައި ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއް އެޅުމަށްޓަކައި އަރަންޖެހޭ އެރުން ފިޔަވައި، ފެތިފައިވާ ނުވަތަ އުރިފައިވާ އުޅަނދަކަށް އަރާފައިބާ ހަދަންވާނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސުން ކަނޑައަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ފަހުގައެވެ.

 

7 ވަނަ މާއްދާ - ފެތިފައިވާ ނުވަތަ އުރިފައިވާ އުޅަނދަކުން މުދާ ބޭލުން

(ހ) ފެތިފައިވާ ނުވަތަ އުރިފައިވާ ބޭރުދަތުރުކުރާ އުޅަނދެއްގައި ހުރި މުދަލެއް އެ އުޅަނދަކުން ބާލަންވާނީ، ކަސްޓަމްސުގެ ނުވަތަ ކަސްޓަމްސުން ކަނޑައަޅާ ފަރާތެއްގެ ހުއްދަ ލިބިގެންނެވެ. ނަމަވެސް، އުރިފައިވާ ނުވަތަ ފެތިފައިވާ އުޅަނދެއް ފުންކުރުމަށްޓަކައި ނުވަތަ ނެގުމަށްޓަކައި، އުޅަނދުގައި ހުރި މުދަލެއް ވަގުތީގޮތުން ބާލަން ނުވަތަ އުކާލަން ޖެހިއްޖެނަމަ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސުގެ ހުއްދަޔާއެކު މިގާނޫނާ ހިލާފު ނުވާނޭ ގޮތެއްގެ މަތިން އެ މުދަލެއް ވަގުތީގޮތުން ބޭލިދާނެ އެވެ.

(ށ) މީހުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއް އެޅުމަށްޓަކައި އެފަދަ އުޅަނދުތަކުން މުދާ ބޭލުން މިމާއްދާގެ (ހ) އިން އިސްތިސްނާ ވެއެވެ.

(ނ) ފެތިފައިވާ ނުވަތަ އުރިފައިވާ ބޭރުދަތުރުކުރާ އުޅަނދަކުން އެއްވެސް ސަބަބަކާހުރެ މުދަލެއް ބާލަންޖެހިގެން ބާލައިފިނަމަ، ލަސްވެގެން 12 ގަޑިއިރު ތެރޭގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސަށާއި ކަސްޓަމްސަށް އެ މުދަލަކާ ބެހޭ ތަފްސީލު ދޭންވާނެއެވެ.

 

8 ވަނަ މާއްދާ - މުދާ ވިއްކުމާއި، ދިނުމާއި، އެހެން ތަނަކަށް ގެންދިއުން

ފެތިފައިވާ ނުވަތަ އުރިފައިވާ ބޭރުދަތުރުކުރާ އުޅަނދެއްގައި ހުރި އެއްވެސް މުދަލެއް ނުވަތަ އެފަދަ އުޅަނދަކުން ބާލާ އެއްވެސް މުދަލެއް ވިއްކައި، ނުވަތަ ދީ، ނުވަތަ މުދާ ބާލާފައި ބެހެއްޓިތަން ނޫންތަނަކަށް ގެންގޮސް ހަދަންވާނީ، ކަސްޓަމްސާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސުގެ ހުއްދަ ލިބިގެން، ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން ނެވެ.

 

9 ވަނަ މާއްދާ - ފެތިފައިވާ ނުވަތަ އުރިފައިވާ އުޅަނދެއް ކަނޑައެޅޭ މުއްދަތުގައި ނުނަގައިފިނަމަ އަމަލު ކުރާނެގޮތް

(ހ) ފެތިފައިވާ ނުވަތަ އުރިފައިވާ އުޅަނދެއް އެތަނަކުން ނެގުމަށް، ނުވަތަ ފުންކުރުމަށް، ނުވަތަ އެ އުޅަނދެއް ހަލާކުކޮށްލުމަށް، މުއްދަތު ދޭނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސުންނެވެ.

(ށ) ފެތިފައިވާ ނުވަތަ އުރިފައިވާ އުޅަނދެއް ނެގުމަށް، ނުވަތަ ފުންކުރުމަށް، ނުވަތަ ހަލާކުކޮށްލުމަށް މިމާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން ދޭ މުއްދަތުގެ ތެރޭގައި އެއުޅަނދެއް ނުނެގިއްޖެނަމަ، ނުވަތަ ފުން ނުކުރެވިއްޖެނަމަ، ނުވަތަ ހަލާކުކޮށް ނުލެވިއްޖެނަމަ، ނުވަތަ އެ މުއްދަތު ހަމަވުމުގެ ކުރިން މިއިން ކަމެއް ނުކުރެވޭނެކަން ލިޔުމަކުން އުޅަނދުގެ ވެރިފަރާތުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސަށް އަންގައިފިނަމަ، އެ އުޅަނދެއް ނެގުމާއި، ފުންކުރުމާއި، ހަލާކުކޮށްލުމުގެ އިހްތިޔާރު ދިވެހި ސަރުކާރަށް ލިބިގެންވެއެވެ. މިގޮތުން ހަލާކުކޮށްލެވޭ ތަކެއްޗަށް ބަދަލު ދޭކަށް ނުޖެހޭނެއެވެ.

(ނ) ފެތިފައިވާ ނުވަތަ އުރިފައިވާ އުޅަނދެއް ސަރުކާރުގެ ފަރާތުން ނަގަން، ނުވަތަ ފުންކުރަން، ނުވަތަ ހަލާކުކޮށްލަން ކަނޑައަޅައިފިނަމަ، އެކަން ދިވެހިރާއްޖޭގައި އިއްލާނު ކުރުމާއެކު، އުޅަނދުގެ ވެރިފަރާތަށް އެކަން އަންގަންވާނެއެވެ.

 

10 ވަނަ މާއްދާ - އުޅަނދު ދޫކޮށްލުން

(ހ) ރާއްޖެއިން ބޭރުގައި ރަޖިސްޓަރީ ކޮށްފައިވާ އުޅަނދެއް ފެތުމުން، ނަވަތަ އުރުމުން، އެ އުޅަނދެއްގައި ތިބި މީހުން އުޅަނދު ދޫކޮށްލާފައި ހިނގަޖެނަމަ، އެ އުޅަނދަކާއި އެ އުޅަނދުގައިވާ ތަކެތި ވާނީ، ދިވެހސަރުކާރުގެ މިލްކަކަށެވެ.

(ށ) މިމާއްދާގެ (ހ) ގެ ދަށުން އުޅަނދެއް ދޫކޮށްލާފައި ހިނގައްޖެ ކަމަށް ބެލޭނީ، އެ އުޅަނދެއްގެ ވެރިފަރާތުން އެ އުޅަނދަކާ ބެހޭ ހައްގުތައް ދޫކޮށްލައިފިކަން ސަރުކާރަށް އެންގުމުން، ނުވަތަ މި ގާނޫނުގެ ދަށުން އެ އުޅަނދަކާބެހޭ މައްލޫމާތު ދޭންޖެހޭ ފަރާތަކަށް އެ މައްލޫމާތު ނުދީ، އަދި އެ އުޅަނދެއް ފެތުނުކަން ނުވަތަ އުރުނުކަން މި ގާނޫނުގެ ދަށުން އަންގަންޖެހޭ ފަރާތަކަށް އެންގުމުން ނޫންގޮތަކަށް އުޅަނދުގައި ތިބިމީހުން އުޅަނދު ދޫކޮށްލާފައި ގޮސް އެކަށީގެންވާ މުއްދަތެއް ފާއިތުވުމުންނެވެ.

 

11 ވަނަ މާއްދާ - ނުރައްކާތެރި މުދާ ބޭލުމާއި ނައްތާލުން

ފެތިފައިވާ ނުވަތަ އުރިފައިވާ އުޅަނދަކުން، ނުވަތަ އެ އުޅަނދެއްގައި ހުރި މުދަލަކުން، އިންސާނުންނަށް ނުވަތަ ތިމާވެއްޓަށް ނުރައްކަލެއް ލިބިދާނެ ކަމަށް ފެނިއްޖެ ހިނދެއްގައި، އެ މުދަލެއް ބޭލުމުގެ ނުވަތަ ނައްތާލުމުގެ ނުވަތަ އެއުޅަނދަކާއެކު އެމުދަލެއް ނައްތާލުމުގެ ނުވަތަ އެ އުޅަނދެއް ނައްތާލުމުގެ އިހްތިޔާރު ދިވެހި ސަރުކާރަށް ލިބިގެންވެއެވެ. އަދި މިފަދަ މުދަލެއް ބޭލުމަށް، ނުވަތަ ނައްތާލުމަށް، ނުވަތަ އެ އުޅަނދަކާއެކު އެމުދަލެއް ނައްތާލުމަށް، ނުވަތަ އެއުޅަނދެއް ނައްތާލުމަށް، ކުރަންޖެހޭ ހުރިހާ ހަރަދެއް އެ އުޅަނދެއްގެ ވެރިފަރާތުން ސަރުކާރަށް ދޭންވާނެއެވެ. މިގޮތުން ނައްތާލެވޭ ތަކެއްޗަށް ބަދަލު ދޭކަށް ނުޖެހޭނެއެވެ.

 

12 ވަނަ މާއްދާ - އުޅަނދާއި އުޅަނދުން ގެނައި މުދާ، ފައިސާ ނުދައްކައިގެން ހިފެހެއްޓުމާއި ވިއްކާލުން

(ހ) ފެތިފައިވާ ނުވަތަ އުރިފައިވާ އުޅަނދެއް ފުންކޮށްގެން، ނުވަތަ ސަލާމަތްކޮށްގެން ފުރަންވާއިރު، އެ އުޅަނދެއްގެ ވެރިފަރާތުން ދިވެހި ސަރުކާރަށް ދައްކަން ޖެހޭ ހުރިހާ ފައިސާ އެއް ދައްކާފައި ނުވާނަމަ، އެ އުޅަނދެއް ފުރިޔަނުދީ ހިފެހެއްޓުމާއި، އެ އުޅަނދަކުން ގެނައި މުދާ ހިފެހެއްޓުމުގެ އިހްތިޔާރު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސަށް ލިބިގެންވެއެވެ.

(ށ) ފެތިފައިވާ ނުވަތަ އުރިފައިވާ އުޅަނދެއްގެ ވެރިފަރާތުން ދިވެހި ސަރުކާރަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ނުވަތަ ޖޫރިމަނާއެއް ނުދައްކައިފިނަމަ، އެ އުޅަނދަކާއި އެ އުޅަނދެއްގެ ތަކެއްޗާއި، އެ އުޅަނދަކުން ގެނައި މުދަލާއި، އެ އުޅަނދެއްގައި ބޭނުންކުރުމަށް ބަހައްޓާފައިހުރި ތަކެތި ވިއްކާލުމުގެ އިހްތިޔާރު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސަށް ލިބިގެންވެއެވެ.

(ނ) އުޅަނދުގެ ވެރިފަރާތުން ދިވެހި ސަރުކާރަށް ދޭންޖެހޭ ހުރިހާ ފައިސާއެއް މިމާއްދާގެ (ށ) ގައި ބުނެފައިވާ ތަކެތި ވިއްކާލައިގެން ލިބޭ ފައިސާއަކުން ނެގުމަށްފަހު އެއްވެސް ފައިސާއެއް ބާކީ ވެއްޖެނަމަ، ބާކީވާ ފައިސާއެއް އެ އުޅަނދެއްގެ ވެރިފަރާތަށް ލިބިދޭންވާނެއެވެ. އެތަކެތި ވިއްކާލައިގެން ލިބޭ ފައިސާ ދިވެހި ސަރުކާރަށް ދައްކަންޖެހޭ ފައިސާއަށްވުރެ މަދުނަމަ، މަދުވާ އަދަދެއް އުޅަނދުގެ ވެރިފަރާތުން ދިވެހިސަރުކާރަށް ދޭންވާނެއެވެ.

 

13 ވަނަ މާއްދާ - ވެރިފަރާތަށް އެންގުނީ ކަމަށް ބެލޭގޮތް

މި ގާނޫނުގެ ދަށުން އުޅަނދުގެ ވެރިފަރާތަށް އަންގަންޖެހޭ އެންގުންތައް އުޅަނދުގެ ވެރިފަރާތަށް، ނުވަތަ އެފަރާތުގެ އެޖެންޓަށް، ނުވަތަ ޗާޓަރަށް ހިފައިގެންއުޅޭ ފަރާތަށް، ނުވަތަ އެފަރާތުގެ އެޖެންޓަށް، ނުވަތަ އެއުޅަނދެއްގެ މާސްޓަރަށް އެންގުމުން، މިގާނޫނުގެ ދަށުން އުޅަނދުގެ ވެރިފަރާތަށް އަންގަންޖެހޭ އެންގުންތައް އެންގުނީ ކަމަށް ބެލޭނެއެވެ.

 

14 ވަނަ މާއްދާ - ޖޫރިމަނާ

(ހ) ފެތިފައިވާ ނުވަތަ އުރިފައިވާ އުޅަނދެއް ނެގުމަށް، ނުވަތަ ފުންކުރުމަށް، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސުން ވަކި މުއްދަތެއް ދިނުމުން، އެ މުއްދަތުގެ ތެރޭގައި އެ އުޅަނދެއް ނުނެގިގެން ނުވަތަ ފުން ނުކުރެވިގެން، އެއުޅަނދެއް ދޫކޮށްލައިފިކަން ލިޔުމަކުން އެ މިނިސްޓްރީއަށް އަންގާ ދުވަހަކާ ހަމައަށް، ނުވަތަ އެއުޅަނދެއް ފުންކުރެވޭ ނުވަތަ ނެގޭ ދުވަހަކާ ހަމައަށް، އެ އުޅަނދެއް ފެތުނު ނުވަތަ އުރުނު ދުވަހުން ފެށިގެން ދުވަހަކަށް 1،000،000 (އެއް މިލިއަން) ރުފިޔާއަށްވުރެ ބޮޑުނުވާ ގޮތުގެމަތިން، އެ އުޅަނދެއްގެ ވެރިފަރާތް ޖޫރިމަނާ ކުރުމުގެ އިހްތިޔާރު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސަށް ލިބިގެންވެއެވެ.

(ށ) ފެތިފައިވާ ނުވަތަ އުރިފައިވާ އުޅަނދަކުން ދިވެހިރާއްޖޭގެ ތިމާވެއްޓަށް ގެއްލުމެއް ވެދާފަދަ އެއްވެސް އެއްޗެށް ކަނޑަށް އަޅައި، ނުވަތަ އެޅުނަދީ ހަދައިގެން ނުވާނެއެވެ. ފެތިފައިވާ ނުވަތަ އުރިފައިވާ އުޅަނދަކުން މިފަދަ އެއްޗެށް ކަނޑަށް އަޅައިފިނަމަ، ނުވަތަ އުޅަނދުގެ ވެރިފަރާތުގެ ނުވަތަ ފަޅުވެރިންގެ އިހުމާލުން އެޅުނަދީފިނަމަ 1،000،000،000، (އެއްސަތޭކަ މިލިއަން) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން އެ އުޅަނދެއްގެ ވެރިފަރާތް ޖޫރިމަނާ ކުރެވޭނެއެވެ.

(ނ) ފެތިފައިވާ ނުވަތަ އުރިފައިވާ އުޅަނދަކުން ދިވެހިރާއްޖޭގެ ތިމާވެއްޓަށް ގެއްލުމެއް ވެދާފަދަ އެއްވެސް އެއްޗެށް ކަނޑަށް އަޅައިގެން ނުވަތަ އެޅިގެން، އެ އެއްޗެށް ސާފު ކުރުމަށް ދިވެހި ސަރުކާރުން ކުރާ ހަރަދު، އެ އުޅަނދެއްގެ ވެރިފަރާތުން ދިވެހިސަރުކާރަށް ދޭންވާނެއެވެ.

(ރ) ފެތިފައިވާ ނުވަތަ އުރިފައިވާ އުޅަނދަކުން، ނުވަތަ އެ އުޅަނދެއްގައި ހުރި އެއްޗަކުން، ދިވެހިރާއްޖޭގެ ތިމާވެއްޓަށް ގެއްލުމެއްލިބިއްޖެނަމަ، އެގެއްލުމެއްގެ ބަދަލު އެ އުޅަނދެއްގެ ވެރިފަރާތުން ދިވެހި ސަރުކާރަށް ދޭންވާނެއެވެ.

 

15 ވަނަ މާއްދާ - ސަރުކާރުން ކޮށްދޭ މަސައްކަތަށް އަގުދިނުން

(ހ) ފެތިފައިވާ ނުވަތަ އުރިފައިވާ އުޅަނދެއް ނެގުމަށް ނުވަތަ ފުންކުރުމަށް ނުވަތަ ހަލާކުކޮށްލުމަށްޓަކައި ނޭށަނަލް ސެކިއުރިޓީ ސާރވިސްގެ އުޅަނދެއް ނުވަތަ މިނޫނަސް ދިވެހި ސަރުކާރުގެ އުޅަނދެއް، ނުވަތަ ސަރުކާރުން ކުއްޔަށް ހިފާފައިވާ އުޅަނދެއް ބޭނުން ކޮށްފައިވާނަމަ، އެ އެއްޗެއްގެ ހަރަދު ފެތިފައިވާ ނުވަތަ އުރިފައިވާ އުޅަނދުގެ ވެރިފަރާތުން ދިވެހި ސަރުކާރަށް ދޭންވާނެއެވެ.

(ށ) ފެތިފައިވާ ނުވަތަ އުރިފައިވާ އުޅަނދެއް ނެގުމަށް، ނުވަތަ ފުންކުރުމަށް، ނުވަތަ ހަލާކު ކޮށްލުމަށްޓަކައި، މިގާނޫނުގެ 9 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ސަރުކާރުން ހަރަދުކުރަން ޖެހިއްޖެނަމަ މިކަމަށް ސަރުކާރުން ކުރާ ހުރިހާ ހަރަދެއް އެ އުޅަނދެއްގެ ވެރިފަރާތުން ސަރުކާރަށް ދޭންވާނެއެވެ. އަދި އެފަދަ އުޅަނދެއްގައި ތިބި މީހުން އުޅަނދު ދޫކޮށްލާފައި ދިޔުމުގެ ސަބަބުން، އުޅަނދު ނެގުމަށްޓަކައި، ނުވަތަ ފުން ކުރުމަށްޓަކައި، ނުވަތަ ހަލާކު ކޮށްލުމަށްޓަކައި، ސަރުކާރުން ހަރަދު ކުރަން ޖެހިއްޖެނަމަ، މިކަމަށް ސަރުކާރުން ކުރާ ހުރިހާ ހަރަދެއް އެ އުޅަނދެއް އުރުނުއިރު ނުވަތަ ފެތުނުއިރު އެއުޅަނދެއްގެ މިލްކުވެރިކަން ލިބިގެންވާ ފަރާތުން ސަރުކާރަށް ދޭންވާނެއެވެ.

 

16 ވަނަ މާއްދާ - އަދަބު

މި ގާނޫނާ ހިލާފުވާ ފަރާތަކާމެދު ވަކި ގޮތަކަށް އަމަލުކުރުމަށް މި ގާނޫނުގެ އެހެން މާއްދާއެއްގައި ބަޔާންކޮށްފައި ނުވާނަމަ، އެފަރާތެއް 500 (ފަސް ސަތޭކަ) ރުފިޔާއާއި  5.000 ( ފަސް ހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

 

17 ވަނަ މާއްދާ - ގަވާއިދު ހެދުން

ފެތޭ ނުވަތަ އުރޭ އުޅަނދުތައް ފުންކުރުމާއި، ނެގުމާއި، ސަލާމަތްކުރުމާ ބެހޭގޮތުން މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސުންނެވެ.

 

18 ވަނަ މާއްދާ - މާނަ

މިގާނޫނުގައި:-

(ހ) "އުޅަނދުގެ ވެރިފަރާތް" ކަމުގައި ބުނެފައި ވަނީ، އުޅަނދުގެ މިލްކްވެރިކަން އޮތް ފަރާތާއި، ޗާޓަރަށް ހިފާ ފަރާތާއި، އަދިވެސް އުޅަނދުގެ ވެރިފަރާތާ ކުރެވިފައިވާ އެއްބަސްވުމެއްގެ ދަށުން އުޅަނދު ދުއްވުމާ ބެހޭގޮތުން ޒިންމާވާ އެއްވެސް އެހެން ފަރާތެއްވާނަމަ އެ ފަރާތެއް ވެސް ހިމެނޭ ގޮތަށެވެ.

(ށ) "ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު" ކަމަށް ބުނެފައި ވަނީ، ރަށްރަށުގެ ފަޅާއި، ފަރު، ހާ، ގިރި، ހިމެނޭ ގޮތުން ދިވެހިރާއްޖޭގެ އެތެރޭ ކަނޑާއި، އާކިޕެލަޖިކް ކަނޑާއި، ސަރަހައްދީ ކަނޑާއި، ހާއްސަ އިގްތިސާދީ ސަރަހައްދު ހިމެނޭ ގޮތަށެވެ.

(ނ) "ބޭރު ދަތުރުކުރާ އުޅަނދު" ކަމަށް ބުނެފައިވަނީ، ދިވެހިރާއްޖެނޫން އެހެން ގައުމެއްގައި ރަޖިސްޓަރީ ކޮށްފައިވާ އުޅަނދުތަކަށާއި، ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ދިވެހިރާއްޖެއިން ބޭރަށް ދަތުރުކުރާ އުޅަނދުތަކަށެވެ.

(ރ) "މުދާ ބޭލުން" ކަމަށް ބުނެފައިވަނީ އެ އުޅަނދަކުން މުދާ އުކާލުމާއި، އެ އުޅަނދަކުން މުދާ ބޭރުކުރުންވެސް ހިމެނޭ ގޮތަށެވެ.

 

އުވި ގާނޫނު

ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1978-69) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު (ގާނޫނު ނަންބަރު 2015-35)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު