-

ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2005-02)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ރައްޔިތުންގެ މަޖިލީހުގައި، ވަޒީރުންނާ ސުވާލުކުރުމުގެ އުސޫލުތަކާއި، ވަޒީރުންނާ ކުރެވޭ ސުވާލުތަކަށް ޖަވާބު ދިނުމުގެ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.

(ށ) މިގާނޫނަށް ކިޔާނީ، "ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނު" އެވެ.  

 

2 ވަނަ މާއްދާ - ސުވާލުކުރުމުގެ ދާއިރާ

(ހ) ވަޒީރަކު، ރަސްމީ ގޮތުން ކުރާ ނުވަތަ ހިންގާ ކަމަކާމެދު ރައްޔިތުންގެ މަޖިލީހުގައި ސުވާލު ކުރެވިދާނެއެވެ.

(ށ) ވަޒީރަކު ވުޒާރާއަކާ ހަވާލުވާތާ 30 ދުވަހުގެ ތެރޭގައި އެ ވުޒާރާއަކުން ކުރާ ނުވަތަ ހިންގާ ކަންކަން، ރައްޔިތުންގެ މަޖިލީހަށް އެވަޒީރަކު އަންގަންވާނެއެވެ.

(ނ) ވަޒީރަކު ކުރާ ނުވަތަ ހިންގާ އަމިއްލަ ކަމަކާމެދު ރައްޔިތުންގެ މަޖިލީހުގައި ސުވާލުކުރެވޭނީ އެކަމަކީ، ގާނޫނާ ހިލާފު ކަމެއްކަމަށް ތުހުމަތު ކުރެވޭނަމައެވެ. ނުވަތަ އެކަމަކީ، ސަރުކާރަށް ނުވަތަ ރައްޔިތުންނަށް ގެއްލުމެއް ލިބޭފަދަ ކަމަކަށް ވާނަމައެވެ.

(ރ) މިމާއްދާގެ ބޭނުމަށްޓަކައި، ވަޒީރަކު ރަސްމީގޮތުން ކުރާ ނުވަތަ ހިންގާ ކަމެއްގެ މާނައިގައި، އޭނާއާ ސުވާލުކުރެވޭ އިރު ހަވާލުވެފައިވާ މަސްއޫލިއްޔަތާގުޅިގެން، އޭނާ ކޮށްފައިވާ ކަންކަމާއި، ހިންގާފައިވާ ކަންކަމާއި، ނުކޮށްދޫކޮށްލާފައިވާ ކަންކަން ހިމެނެއެވެ. އަދި ހަމައެހެންމެ، މިމާއްދާގެ ބޭނުމަށްޓަކައި، ވަޒީރަކު ކުރާ ނުވަތަ ހިންގާ އަމިއްލަކަމެއްގެ މާނައިގައި، އޭނާ އާ ސުވާލުކުރެވޭއިރު ހަވާލުވެފައިވާ މަސްއޫލިއްޔަތު ހަވާލުވުމަށްފަހު ކޮށްފައިވާ ކަންކަމާއި، ހިންގާފައިވާ ކަންކަމާއި، ނުކޮށް ދޫކޮށްލާފައިވާ ކަންކަން ހިމެނެއެވެ.

 

3 ވަނަ މާއްދާ - ސުވާލުގެ ނޯޓިސް ދިނުން

(ހ) ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވަޒީރަކާ ސުވާލުކުރާނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މެދުވެރިކޮށް، ލިޔުމަކުން ސުވާލުގެ ނޯޓިސް ފޮނުވައި، 14 ދުވަހުގެ މުއްދަތު ދިނުމަށްފަހު، މަޖިލީހުގެ ޖަލްސާއެއްގައެވެ.

(ށ) މިމާއްދާގެ (ހ) ގެ ދަށުން ސުވާލުގެ ނޯޓިސް ދިނުމުގައި، މެންބަރަކު ވަޒީރަކާ ސުވާލުކުރަން ބޭނުންވާ ކޮންމެ މައުޒޫއަކާ ނުވަތަ ކަމަކާ ގުޅޭގޮތުން ދޭނީ ވަކި ނޯޓިހެކެވެ. މިހެން މި އުސޫލުއޮތުމަކުން، އެއް މައުޒޫއުއަކާ ގުޅޭ ގޮތުން ނުވަތަ  އެއްކަމަކާ ގުޅޭ ގޮތުން، އެއްނޯޓިހަކުން، އެއްސުވާލަށްވުރެ ގިނަ ސުވާލު ވަޒީރާ ކުރުމަކަށް، މެންބަރަކަށް ހުރަހެއް ނެތެވެ.

(ނ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ގުނުމުގައި، ރަސްމީ ބަންދު ދުވަސްތައް ހިމެނޭނެއެވެ.

 

4 ވަނަ މާއްދާ - ސުވާލުގެ ނޯޓިހުގައި ހިމަނަންޖެހޭ ކަންކަން

މިގާނޫނުގެ ދަށުން ދޭ ސުވާލުގެ ނޯޓިހުގައި އަންނަނިވި ކަންކަން ހިމަނަން ވާނެއެވެ.

(ހ) ސުވާލު ވެވޭ ވަޒީރުގެ ފުރިހަމަ ނަމާއި ރަސްމީ މަގާމު؛

(ށ) ކުރަން ބޭނުންވާ ސުވާލު ނުވަތަ ސުވާލުތަކުގެ ފުރިހަމަ އިބާރާތް؛

(ނ) ސުވާލުކުރާ މެންބަރު، މަޖިލީހުގައި ހިމެނޭ ހައިސިއްޔަތާއި، އެ މެންބަރެއްގެ ނަމާއި ސޮއި؛

(ރ) ތާރީހު.

 

5 ވަނަ މާއްދާ - ޖަވާބުދިނުން ލާޒިމު ސުވާލު

މިގާނޫނުގައި އެހެން ގޮތަކަށް ބުނެފައިނުވާހާ ހިނދަކު، ވަޒީރަކާ ކުރެވޭ ސުވާލަކަށް ވަޒީރަކު ޖަވާބުދިނުން ލާޒިމުވާނީ، އެސުވާލަކީ އަންނަނިވި ފަދަ ސުވާލަކަށް ނުވާނަމައެވެ.

(ހ) ހިނގާފައިވާ ކަމަކާމެދު ވަޒީރުގެ ލަފަޔަކަށް، ނުވަތަ ކަމެއް ދިމާވެއްޖެނަމަ އެވަޒީރަކު ކަންކުރާނެގޮތުގެ ލަފަޔަކަށް ސުވާލުގައި އަހާފައިވުން؛

(ށ) ސުވާލުކުރާ މެންބަރުގެ ސީދާ އަމިއްލަ މަސްލަހަތެއް ސުވާލުގައި އެކުލެވިގެންވުން؛

(ނ) އާންމުކޮށް ށާއިއުކޮށްފައިވާ މައުލޫމާތެއް ހޯދުމަށް ކޮށްފައިވާ ސުވާލަކަށްވުން؛

(ރ) ށަރްއީ ކޯޓެއްގައި ހިނގަމުންދާ މައްސަލައެއްގެ މައުލޫމާތަށް އެދިފައިވުން؛

(ބ) ސުވާލަށް ޖަވާބުދިނުމުގައި، އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ހާމަކުރަންޖެހޭ ފަދަ ސުވާލަކަށްވުން.

  1. ވަޒީރުންގެ މަޖިލީހުގައި ކުރެވޭ މަށްވަރާތަކާއި އެމަޖިލީހަށް ހުށަހެޅޭ ކަރުދާސްތަކުގެ ތެރެއިން އާންމުކޮށްފައިނުވާ މައުލޫމާތެއް؛
  2. ށާއިއުކުރުމުގެ ވަގުތު އައުމުގެ ކުރިން ށާއިއުކޮށްފިނަމަ، އެކަމުން ގައުމީ ސަލާމަތަށް ގެއްލުމެއް ލިބިދާނެ ކަމެއް؛
  3. ސިއްރު މައުލޫމާތުގެ ގޮތުގައި އެ ވަޒީރެއްގެ ސަމާލުކަމަށް އަންނަ، ދައުލަތާ ގުޅުންހުރި އަދި އެ މައުލޫމާތެއް ހާމަކޮށްފިނަމަ ދައުލަތުގެ އަމިއްލަ ވެރިކަމުގެ ބާރަށާއި، ގައުމުގެ މަސްލަހަތަށް އުނިކަން އަތުވެދާނެ ފަދަ ކަމެއް؛
  4. ގާނޫނެއްގެ ދަށުން، ހާމަކުރުން ހުއްދަނޫން މައުލޫމާތެއް.

 

6 ވަނަ މާއްދާ - އުސޫލުން އިސްތިސްނާވުން

މިގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެއްވެސް އުސޫލެއް، މިގާނޫނުގެ 2 ވަނަ މާއްދާގެ (ނ) ގެ ދަށުން ކުރާ ސުވާލެއްގެ މައްޗަކަށް ނުހިނގާނެއެވެ. އަދި އެއަކުރުގެ ދަށުން ސުވާލެއް ކޮށްފި ހިނދެއްގައި، އެސުވާލެއް ވެވޭ ވަޒީރަކު ޖަވާބު ދޭންވާނެއެވެ.

 

7 ވަނަ މާއްދާ - އަނގަބަހުން ޖަވާބު ދިނުން

(ހ) މެންބަރަކު ވަޒީރަކާ ކުރާ ސުވާލަކީ، ތަފާސް ހިސާބުތަކެއް، ނުވަތަ މާލީ ހިސާބުތަކެއް ނުވަތަ އެނޫންވެސް ތަފްސީލު މައުލޫމާތުތަކެއް ހާމަކުރަން ޖެހޭ ނުވަތަ ހުށަހަޅަންޖެހޭ ޖަވާބެއްކަމަށް ނުވާނަމަ، އެސުވާލަށް އެވަޒީރަކު ދޭ ފުރިހަމަ ޖަވާބުދޭނީ އެސުވާލު ކުރުމަށް ހަމަޖައްސާފައިވާ ޖަލްސާއަށް ހާޒިރުވެ، މަޖިލީހުގެ ރައީސް ދޭ ފުރުސަތުގައި، އަނގަބަހުންނެވެ.

(ށ) މެންބަރަކު ވަޒީރަކާ ކުރާ ސުވާލަށް، ސުވާލުވެވޭ ވަޒީރު ޖަވާބު ދޭންވާނީ، ވީހާވެސް ފުރިހަމައަށް، ކޮށްފައިވާ ސުވާލަށް ސީދާ އަމާޒުވާ ގޮތަށެވެ.

 

8 ވަނަ މާއްދާ - ލިޔުމުން ޖަވާބުދިނުން

މެންބަރަކު ވަޒީރަކާ ކުރާ ސުވާލަކީ، ތަފާސް ހިސާބުތަކެއް، ނުވަތަ މާލީ ހިސާބުތަކެއް ނުވަތަ އެނޫންވެސް ތަފްސީލު މައުލޫމާތުތަކެއް ހާމަކުރަންޖެހޭ ނުވަތަ ހުށަހަޅަންޖެހޭ ޖަވާބެއްދޭން ޖެހޭ ސުވާލެއްކަމުގައި ވާނަމަ، ނުވަތަ އެސުވާލު ފުރިހަމަވާނީ އެފަދަ ތަފްސީލު މައުލޫމާތުތަކެއް ހާމަކޮށްގެން ކަމަށް ވާނަމަ، އެސުވާލަށް އެވަޒީރަކު ޖަވާބުދޭނީ އެސުވާލު ކުރުމަށް ހަމަޖައްސާފައިވާ ޖަލްސާއަށް ހާޒިރުވެ، މަޖިލީހުގެ ރައީސްދޭ ފުރުސަތުގައި، އަންނަނިވިގޮތަށެވެ.

(ހ) މުޅި ޖަވާބުގައި ހިމެނިގެންވަނީ ތަފްސީލު މައުލޫމާތުކަމަށް ވާނަމަ، އެ މައުލޫމާތުގެ ހުލާސާއެއް، މަޖިލީހަށް އިއްވައި، މަޖިލީހަށް، އެމައުލޫމާތު ލިޔުމުން ހުށަހަޅާކަން ހާމަކުރުން.

(ށ) ޖަވާބު ފުރިހަމަވާނީ، ތަފްސީލު މައުލޫމާތުތައްވެސް ހިމަނައިގެން ކަމަށްވާނަމަ، ސުވާލަށް ޖަވާބުދީ ނިންމުމަށްފަހުގައި، އެޖަވާބާ ގުޅޭގޮތުން ތަފްސީލު ހުށަހަޅަންޖެހޭ މައުލޫމާތުގެ ހުލާސާއެއް މަޖިލީހަށް އިއްވައި، މަޖިލީހަށް، އެމައުލޫމާތު ލިޔުމުން ހުށަހަޅާކަން ހާމަކުރުން.

(ނ) މިމާއްދާގެ (ހ) އާއި (ށ) ގައިވާ ފަދައިން ތަފްސީލު މައުލޫމާތެއް ހުށަހަޅާކަން ވަޒީރަކު ހާމަކޮށްފިނަމަ، އެދުވަހެއްގެ ޔައުމިއްޔާގައި އެލިޔުން ހިމަނާނެކަމާއި، މެންބަރުންނަށް އެލިޔުންތަކުގެ ކޮޕީ ރައްދުކުރާނެކަމަށް މަޖިލީހުގެ ރައީސް އެންގުން.

 

9 ވަނަ މާއްދާ - ސުވާލަށް ޖަވާބު ނުދިނުމާއި، ގަސްތުގައި ދޮގު މައުލޫމާތު ދީ އޮޅުވާލުން

މި ގާނޫނުގައިވާ ގޮތުގެމަތިން ވަޒީރަކާ ނޯޓިސް ދީގެން ކުރެވޭ ސުވާލަކަށް، ސުވާލުވެވޭ ވަޒީރު ޖަވާބު ނުދީފިނަމަ، ނުވަތަ ޖަވާބު ދިނުމުގައި ދޮގު މައުލޫމާތެއް ދީފިކަމަށް، ނުވަތަ ކަމެއް އޮޅުވާލައިފިކަމަށް މަޖިލީހުގެ މެންބަރަކަށް ފެނިއްޖެނަމަ، އެ ވަޒީރެއްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ، ގާނޫނުއަސާސީގެ 82 ވަނަ މާއްދާގައިވާ ގޮތުގެމަތިން މަޖިލީހަށް ހުށަހެޅިދާނެއެވެ.

 

10 ވަނަ މާއްދާ - ސުވާލުކުރުމަށާއި ޖަވާބު ދިނުމަށް ވަގުތު ހަމަޖެއްސުން

ވަޒީރަކާ ސުވާލުކުރުމަށް މެންބަރަކު ނޯޓިސް ދީފައިވާނަމަ، މި ގާނޫނުގެ 3 ވަނަ މާއްދާގައި ބުނާ 14 ދުވަހުގެ މުއްދަތު ސުވާލުވެވޭ ވަޒީރަށް ދިނުމަށްފަހު، އެ ސުވާލެއް ކުރުމަށާއި އެސުވާލަކަށް ޖަވާބުދެވޭނެ ވަގުތު މަޖިލީހުގެ ރައީސް ހަމަޖައްސަންވާނެއެވެ.

 

11 ވަނަ މާއްދާ - ސުވާލުކުރުމަށް އޮތް ޖަލްސާ ފަސްވުން    

ވަޒީރަކާ ސުވާލުކުރުމާއި، ސުވާލުވެވޭ ވަޒީރު އެ ސުވާލަށް ޖަވާބުދިނުން ޖަލްސާއެއްގެ އެޖެންޑާގައި ހިމަނާފައިވަނިކޮށް، ދިމާވާ އެއްވެސް ސަބަބަކާހުރެ އެ ޖަލްސާ ފަސްކުރަންޖެހިގެން، ނުވަތަ އެޖެންޑާގެ
އެ އައިޓަމާ ހަމައަށް ދިޔުމުގެ ކުރިން، އެ ޖަލްސާ ނިމުމަކަށް ގެންނަން ޖެހިގެން، އެސުވާލެއް ކުރުން ނުވަތަ އެ ސުވާލަކަށް ޖަވާބުދިނުން ފަސްކުރަން ޖެހިއްޖެނަމަ، އެ ސުވާލެއް ކުރާނީ ނުވަތަ އެ ސުވާލަކަށް ޖަވާބުދޭނީ، ދެން އެންމެ އަވަހަށް ބާއްވާ ޖަލްސާއެއްގައެވެ.

 

12 ވަނަ މާއްދާ - ޖަވާބުދިނުން ލާޒިމު ސުވާލު ކަނޑައެޅުމުގެ ބާރު

(ހ) ވަޒީރަކާ ކުރެވޭ ސުވާލަކީ، ނުވަތަ ސުވާލެއްގެ ބަޔަކީ، މިގާނޫނުގެ ދަށުން އެވަޒީރަކު ޖަވާބުދޭން ނުޖެހޭ ސުވާލެއްކަމަށް، ސުވާލުވެވޭ ވަޒީރު ބަޔާންކުރާނަމަ އެކަން، އޭނާ ހާމަކުރަންވާނީ ސަބަބު ބަޔާންކޮށް އެ ސުވާލަށް ޖަވާބު ދިނުމަށް މަޖިލީހުގެ ރައީސް ދޭ ފުރުސަތުގައި، މަޖިލީހުގެ ޖަލްސާއެއްގައެވެ.

(ށ) މިމާއްދާގެ (ހ) ގެ ދަށުން، ވަޒީރަކާ ކުރެވޭ ސުވާލަކަށް، ސުވާލުވެވޭ ވަޒީރު ޖަވާބުދޭން އިންކާރުކޮށްފިނަމަ، އެއީ މިގާނޫނުގެ ދަށުން ޖަވާބުދޭންޖެހޭ ސުވާލެއްކަން ނުވަތަ ނޫންކަން ކަނޑައަޅާނީ، ހަމަ އެވަގުތު، ސަބަބު ބަޔާންކޮށް، މަޖިލީހުގެ ރައީސް، މަޖިލީހަށް އަންގާ އެންގުމަކުންނެވެ.

 

13 ވަނަ މާއްދާ - އަނގަބަހުން ޖަވާބު ދިނުން އެދިފައިވާ ސުވާލަކަށް ލިޔުމުން ޖަވާބު ދިނުން

(ހ) މެންބަރަކު ވަޒީރަކާ ކުރާ ސުވާލަކާ ގުޅިގެން، މިގާނޫނުގެ 8 ވަނަ މާއްދާގެ ދަށުން، ލިޔުމުން ޖަވާބުދޭ ހާލަތެއްގައި، އެޖަވާބަކީ އަނގަބަހުން ދެވިދާނެ ޖަވާބެއް ކަމަށް، ސުވާލުކުރާ މެންބަރަށް ފެނިގެން އެކަން މަޖިލީހުގެ ރައީސްގެ ސަމާލުކަމަށް ގެނެސްފިނަމަ، އެ ސުވާލުގެ ޖަވާބު ދޭންވީ، ލިޔުމުންކަން ނުވަތަ އަނގަބަހުންކަން ކަނޑައަޅާނީ، ހަމަ އެވަގުތު ސަބަބު ބަޔާންކޮށް، މަޖިލީހުގެ ރައީސް، މަޖިލީހަށް އަންގާ އެންގުމަކުންނެވެ.

(ށ) މިމާއްދާގެ (ހ) ގެ ދަށުން މަޖިލީހުގެ ރައީސަށް ލިބިދޭ އިހްތިޔާރު ބޭނުންކުރުމުގައި، އަންނަނިވި ނުކުތާތަކަށް، މަޖިލީހުގެ ރައީސް، ރިއާޔަތް ކުރަންވާނެއެވެ.

  1. ސުވާލުގައި އަހާފައިވަނީ، ތަފާސް ހިސާބާއި، އިދާރީ ތަފްސީލުފަދަ މައުލޫމާތަށް ކަމަށްވުން؛
  2. ސުވާލުގެ ބާވަތުން، ކުރު ޖަވާބެއް ދީގެން ނުފުދޭނެ ބާވަތުގެ ސުވާލަކަށްވުން.

 

14 ވަނަ މާއްދާ - ސުވާލު އަނބުރާ ގެންދިއުން

(ހ) ވަޒީރަކާ ކުރުމަށް، މެންބަރަކު އެދިފައިވާ ސުވާލެއްގެ ނޯޓިސް އެ ވަޒީރަކަށް ދިނުމަށްފަހު، އެ ސުވާލުގެ ޖަވާބުދިނުމަށް ހަމަޖެހިފައިވާ ދުވަހުގެ ކުރިން އެ ސުވާލު، އެ މެންބަރަކަށް އަނބުރާ ގެންދެވިދާނެއެވެ.

(ށ) ވަޒީރަކާ ކުރުމަށް، މެންބަރަކު އެދިފައިވާ ސުވާލެއްގެ ނޯޓިސް އެވަޒީރަކަށް ދިނުމަށްފަހު، އެސުވާލު ކުރުމަށް މަޖިލީހުގެ ރައީސް އެ މެންބަރަށް ދޭ ފުރުސަތުގައި، އެސުވާލު އެމެންބަރަކު ނުކޮށްފިނަމަ، އެސުވާލު ކުރުމަށް، އެމެންބަރަކަށް ދެވަނަ ފުރުސަތެއް ނުދެވޭނެއެވެ.

 

15 ވަނަ މާއްދާ - އިތުރު ސުވާލު ކުރުން

މިގާނޫނުގެ 3 ވަނަ މާއްދާގައިވާ ގޮތުގެ މަތިން،  ވަޒީރަކާ ކުރާ ސުވާލަކަށް ވަޒީރަކު ދޭ ޖަވާބަކާ ގުޅިގެން، ނުވަތަ އޭނާއާ ކުރެވުނު ސުވާލަކާ ގުޅިގެން، ނޯޓިސް ދިނުމެއްނެތި، މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެމަތިން އަނގަބަހުން، އިތުރު ސުވާލު ކުރުމުގެ ފުރުސަތު، އެ ސުވާލުކުރި މެންބަރަށާއި އެހެން މެންބަރުންނަށް ލިބިގެންވެއެވެ.

 

16 ވަނަ މާއްދާ - އިތުރު ސުވާލުގެ ފުރުސަތު ދިނުން

އިތުރު ސުވާލު ކުރުމުގެ ފުރުސަތު މަޖިލީހުގެ ރައީސް ދޭނީ، ކުރަން ބޭނުންވާ ސުވާލަކީ، ނޯޓިސް ދީގެން ވަޒީރާ ކުރި ސުވާލުން، ނުވަތަ އެ ސުވާލަށް އެވަޒީރަކު ދިން ޖަވާބުން އުފެދޭ ސުވާލަކަށް ވާނަމައެވެ. އަދި އެ އިތުރު ސުވާލުކުރަނީ، ނޯޓިސް ދީގެން ކުރި ސުވާލުގެ ޖަވާބުގައި ވަޒީރު ހާމަކުރި އެއްޗަކަށް އޭނާގެ އާނބަސް ނުވަތަ ނޫންބަސް ކަނޑައެޅިގެން ހޯދުންކަމުގައި ނުވާނަމައެވެ.

 

17 ވަނަ މާއްދާ - ޖަވާބު ދުރާލާ އާންމު ނުކުރުން

މެންބަރަކު ކުރާ ސުވާލަކަށް ވަޒީރަކު ދޭ ޖަވާބު މަޖިލީހުގެ ޖަލްސާއެއްގައި ނުދެވެނީސް ނުވަތަ ނުއިއްވެނީސް، އެޖަވާބުގެ ލިޔުން އާންމުކޮށްގެނެއް ނުވާނެއެވެ.

 

18 ވަނަ މާއްދާ - ޖަވާބަކާ ގުޅިގެން ބަހުސް ކުރުން

(ހ) ވަޒީރަކާ ކުރެވޭ ސުވާލަކަށް ދޭ ޖަވާބަކާގުޅިގެން، އެ ޖަލްސާގައި އެއްވެސް ބަހުސެއް ނުކުރެވޭނެއެވެ.

(ށ) ވަޒީރަކު ދޭ ޖަވާބަކާ ގުޅިގެން ނުވަތަ އެ ޖަވާބުގައި ހިމެނިގެންވާ ކަމަކާ ގުޅިގެން މައްސަލައެއް މަޖިލީހަށް ހުށަހަޅަން ބޭނުންނަމަ، އެކަން ކުރެވޭނީ، އެކަމަށްޓަކައި، މަޖިލީހުގެ ގަވާއިދުގައި ހަމަޖެހިފައިވާ އުސޫލުތަކުގެ މަތިންނެވެ.

 

19 ވަނަ މާއްދާ - ޖަވާބަކާގުޅިގެން ހުށަހަޅާ ލިޔުމާއި މައުލޫމާތު

(ހ) ވަޒީރަކާ ކުރެވޭ ސުވާލަކަށް ޖަވާބުދިނުމުގައި، އެ ޖަވާބަށް ހަވާލާދީ ހުށަހަޅަން ބޭނުންވާ އިތުރު މައުލޫމާތާއި އިތުރު ލިޔުން ހުރިކަމަށްވާނަމަ، ޖަވާބު، މަޖިލީހަށް އިއްވާއިރު، އެ މައުލޫމާތާއި އިތުރު ލިޔުން އިއްވުމުގެ ބަދަލުގައި، މަޖިލީހަށް އެ މައުލޫމާތާއި އިތުރު ލިޔުން ހުށަހަޅައި، އެ ސުވާލުކުރި މެންބަރެއްގެ ސަމާލުކަމަށް އެކަން އެ ވަޒީރަކު ގެނައުމުން ފުދޭނެއެވެ.

(ށ) މިމާއްދާގެ (ހ) ގެ ދަށުން މަޖިލީހަށް ހުށަހަޅާ އެކިއެކި މައުލޫމާތާއި އިތުރު ލިޔުން، އެ މައްލޫމާތާއި ލިޔުމާގުޅޭ ޖަވާބު ޔައުމިއްޔާގައި ހިމަނާއިރު، އެ ޖަވާބާއެކު ހިމަނަން ވާނެއެވެ.

 

20 ވަނަ މާއްދާ - ޖަވާބު ދިނުމަށްފަހު އިސްލާހުކުރުން

(ހ) މެންބަރަކު ކުރާ ސުވާލަކަށް ލިޔުމުން ނުވަތަ އަނގަބަހުން ޖަވާބުދީފައި ވަނިކޮށް، އެ ޖަވާބުގައި އިސްލާހުކުރަންޖެހޭ ނުކުތާއެއް ނުވަތަ ކަމެއް ވާކަމަށް އެ ވަޒީރަކަށް ފެނިއްޖެނަމަ، މަޖިލީހުގެ ޖަލްސާއެއްގައި ސަބަބު ބަޔާންކޮށް، އޭނާ ކުރިން ދީފައިވާ ޖަވާބަށް އިސްލާހު ގެނެވިދާނެއެވެ.

(ށ) މިމާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ކުރިން ދީފައިވާ ޖަވާބުގައި ހިމެނޭ ނުކުތާއެއް ނުވަތަ ކަމެއް އިސްލާހުކޮށްފިނަމަ، މިގާނޫނުގެ 15 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިތުރު ސުވާލު ކުރުމުގެ ފުރުސަތު، އެ ސުވާލުކުރި މެންބަރަށާއި އެހެން މެންބަރުންނަށް ލިބިގެންވެއެވެ.

 

21 ވަނަ މާއްދާ - މާނަކުރުން

މިގާނޫނުގައި އެހެން ގޮތަކަށް ބުނެފައި ނުވާހާ ހިނދަކު؛    

"ވަޒީރުން" ކަމަށް ބުނެފައި އެވަނީ، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، އެ މަޖިލީހުގައި ނުހިމެނޭ ވަޒީރުންނަށެވެ. 

"މެންބަރުން" ކަމަށް ބުނެފައި އެވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށެވެ.

"މަޖިލީހުގެ ރައީސް" ކަމަށް ބުނެފައި އެވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސަށެވެ.

"މަޖިލިސް" ކަމަށް ބުނެފައި އެވަނީ، ރައްޔިތުންގެ މަޖިލީހަށެވެ.

"ޖަލްސާ" ކަމަށް ބުނެފައި އެވަނީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކަށެވެ.

 

22 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުމުން ވުޒާރާތަކުން ކުރާ ނުވަތަ ހިންގާ ކަންކަން، މަޖިލީހަށް އެންގުން

މި ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ސަރުކާރުގެ އެކިއެކި ވުޒާރާތަކުން ކުރާ ނުވަތަ ހިންގާ ކަންކަން، ރައްޔިތުންގެ މަޖިލީހަށް އެވުޒާރާތަކުން އަންގަންވާނެއެވެ.

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު