އާބިޓްރޭށަނުގެ ގާނޫނު
(ގާނޫނު ނަންބަރު 2013-10)
އެއްވަނަ ބާބު
ފެށުން
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ގާނޫނު ގަބޫލުކުރާ ގުޅުމަކުން ގުޅިފައިވާ ދެފަރާތެއްގެ ދެމެދުގައި، ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކެއްގެ މެދުގައި އުފެދޭ ވިޔަފާރީގެ މައްސަލަތައް، އާބިޓްރޭށަނުގެ ބައިނަލްއަގްވާމީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ހައްލުކުރުމަށް މަގުފަހިކޮށްދިނުމުގެ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.
(ށ) މި ގާނޫނަށް ކިޔާނީ، "އާބިޓްރޭށަނުގެ ގާނޫނު" އެވެ.
2 ވަނަ މާއްދާ - މަގްސަދު
މި ގާނޫނުގެ މަގްސަދަކީ އަންނަނިވި ކަންކަން ހާސިލުކުރުމެވެ.
(ހ) ށަރުއީ ކޯޓުގެ މަރުހަލާގެ ކުރިން، ނުވަތަ ށަރީއަތުގެ މަރުހަލާގެ ބަދަލުގައި، ގާނޫނު ހުއްދަ ކުރާ، އަދި ގާނޫނުން ބާރު ލިބިދޭ، އެހެން ވަސީލަތްތައް ބޭނުންކޮށްގެން ވިޔަފާރީގެ މައްސަލަތައް ހައްލުކުރުމަށް މަގުފަހިކޮށްދިނުން؛
(ށ) މައްސަލަ ހައްލުކުރުމުގެ ވަސީލަތްތަކުގެ ތެރެއިން، އާބިޓްރޭށަނުގެ ވަސީލަތް ދިވެހިރާއްޖެއަށް ތައާރަފުކޮށް، އެ ވަސީލަތަށް ގާނޫނުގެ ބާރު ލިބިދިނުން؛
(ނ) ވިޔަފާރީގެ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކުން ކަނޑައަޅާ މިނިވަން ތިންވަނަ ފަރާތެއް މެދުވެރިކޮށް އެ މައްސަލަތައް ހައްލުކުރުމުގެ އުސޫލުތައް ތައާރަފުކޮށްދީ، އެ އުސޫލުތަކަށް ގާނޫނުގެ ބާރު ލިބިދިނުން؛
(ރ) އާބިޓްރޭށަނާގުޅޭ ކަންކަމުގައި ށަރުއީ ކޯޓުތަކުގެ ދައުރު އޮންނަ މިންވަރާއި ގޮތް ކަނޑައަޅައިދިނުމާއެކު، އާބިޓްރޭށަނާއި ށަރީއަތާ ދެމެދު އޮންނަ ގުޅުން ތަރުތީބުކޮށްދީ އިންތިޒާމް ކޮށްދިނުން؛
(ބ) ވިޔަފާރީގެ މައްސަލަތައް، ށަރީއަތުގެ މަރުހަލާތަކަށް ހުށަހަޅައި، އެ މަރުހަލާތައް ކަޑައްތުކުރުމުގެ ބަދަލުގައި، މައްސަލައިގައި ހިމެނޭ ފަރާތްތަކުން އަމިއްލައަށް އިހްތިޔާރުކުރާ، އަދި ދިމާވެފައިވާ މައްސަލަ ބިނާވެފައިވާ ކަންކަމުގެ އިލްމާއި ތަޖުރިބާ ލިބިފައިވާ، އަމިއްލަ އަދި މިނިވަން ތިންވަނަ ފަރާތެއް މެދުވެރިކޮށް، އަވަސް މަގަކުން، ށަރީއަތުން ބޭރުން އެ މައްސަލަ ހައްލުކުރުމަށް މަގުފަހިކޮށްދިނުން؛ އަދި
(ޅ) ޔުނައިޓެޑް ނޭށަންސް ކޮމިށަން އޮން އިންޓަރނޭށަނަލް ޓްރޭޑް ލޯ (އަންސިޓްރަލް) އިން ކަނޑައަޅާފައިވާ ނަމޫނާ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން، ދިވެހިރާއްޖޭގެ އާބިޓްރޭށަނުގެ ނިޒާމު ގާއިމުކޮށް، ތަރުތީބުކުރުން.
3 ވަނަ މާއްދާ - ގާނޫނު ހިނގާނެ ދާއިރާ
ވިޔަފާރީގެ މައްސަލަތައް، އާބިޓްރޭށަނުގެ އުސޫލުން ދިވެހިރާއްޖޭގައި ހައްލުކުރަންވާނީ، މި ގާނޫނުގައި ބަޔާންވެގެންވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އެއީ، އެހެން ގައުމަކާއެކު ނުވަތަ އެހެން ގައުމުތަކަކާއެކު ދިވެހިރާއްޖޭން ވެފައިވާ ބައިނަލްއަގްވާމީ އެއްބަސްވުމެއްގައި، އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކުއެވެ. އެހެން ގައުމަކާއެކު ނުވަތަ އެހެން ގައުމުތަކަކާއެކު ދިވެހިރާއްޖޭން ވެފައިވާ ބައިނަލްއަގްވާމީ އެއްބަސްވުމެއްގައި، އެހެންގޮތަކަށް ބަޔާންކޮށްފައި އޮތްނަމަ، އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އާބިޓްރޭށަނުގެ އުސޫލުތައް އިންތިޒާމުކުރުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.
4 ވަނަ މާއްދާ - ވަކި މާއްދާތަކެއް ވަކި ހާލަތެއްގައި ނުހިނގުން
(ހ) މި ގާނޫނުގައި އެހެންގޮތަކަށް ކަނޑައަޅާފައިނުވާހާ ހިނދަކު، މި ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތައް ހިނގާނީ، އާބިޓްރޭށަނުގެ އެއްބަސްވުމެއްގެ ދަށުން، އާބިޓްރޭށަން ހިންގާ ތަނަކީ، ދިވެހިރާއްޖެ ކަމުގައި ކަނޑައަޅާފައިވާ ހާލަތުތަކުގައެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތް ނަމަވެސް، އާބިޓްރޭށަނުގެ އެއްބަސްވުމެއްގެ ދަށުން، އާބިޓްރޭށަން ހިންގާ ތަނަކީ، ދިވެހިރާއްޖެ ނޫން އެހެން ގައުމެއް ކަމުގައި ކަނޑައަޅާފައިވާ ހާލަތުތަކުގައި، މި ގާނޫނުގެ 15 ވަނަ މާއްދާއާއި 40 ވަނަ މާއްދާއާއި 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތައް އެ އާބިޓްރޭށަނާ ގުޅޭގޮތަކުން ނުހިނގާނެއެވެ.
5 ވަނަ މާއްދާ - އެހެން ގާނޫނުތަކާ ހުރި ގުޅުން
(ހ) މި ގާނޫނު މިހެން އޮތްކަމުގައި ވީނަމަވެސް، ވަކި ކަހަލަ ވިޔަފާރީގެ މައްސަލަތަކަކީ، އާބިޓްރޭށަނަށް ހުށަހެޅޭނެ މައްސަލަތަކެއް ނޫން ކަމަށް، ނުވަތަ ވަކި ކަހަލަ ވިޔަފާރީގެ މައްސަލަތަކަކީ، ށަރުއީ ކޯޓަކަށް ހުށަހެޅުން ލާޒިމު މައްސަލަތަކެއް ކަމަށް، އެހެން ގާނޫނެއްގައި ކަނޑައެޅުމަކަށް، މި ގާނޫނު ހުރަހެއް ނާޅައެވެ.
(ށ) މި ގާނޫނު މިހެން އޮތްކަމުގައި ވީނަމަވެސް، ވަކި ކަހަލަ މައްސަލަތަކެއް އާބިޓްރޭށަނަށް ހުށަހެޅޭނީ، އެހެން ގާނޫނެއްގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަމުގައި އެފަދަ އެހެން ގާނޫނެއްގައި ކަނޑައެޅުމަކަށް، މި ގާނޫނު ހުރަހެއް ނާޅައެވެ.
(ނ) ވަކި މައްސަލައަކާ ގުޅޭގޮތުން ގޮތެއް ނިންމުމުގެ ބާރު ވަކި ކޯޓެއްގެ އިހްތިސާސްގެ ތެރޭގައި ގާނޫނަކުން ހިމަނާފައިވުމަކީ، ނުވަތަ ވަކި މައްސަލައެއް ނިންމަންވާނީ އާބިޓްރޭށަނުގެ އުސޫލުން ކަމަށް ގާނޫނެއްގައި ކަނޑައެޅިގެން ބަޔާންކޮށްފައި ނުވުމަކީ، އޭގެ ޒާތުގައި، އެ މައްސަލައެއް މި ގާނޫނުގެ ދަށުން، އާބިޓްރޭށަނަށް ހުށަހެޅުމަށް އޮތް ހުރަހަކަށް ނުވާނެއެވެ.
ދެވަނަ ބާބު
މަފްހޫމުތަކުގެ ރަދީފު
6 ވަނަ މާއްދާ - މަފްހޫމްތަކުގެ އަސާސް
މި ގާނޫނުގެ 7 ވަނަ މާއްދާއިން ފެށިގެން 11 ވަނަ މާއްދާގެ ނިޔަލަށް ބަޔާންވެގެންވާ އިބާރާތްތަކަކީ، މި ގާނޫނު ބިނާވެގެންވާ މައިގަނޑު މަފްހޫމުތަކެވެ. އެ މަފްހޫމުތައް އެ މާއްދާތަކުގައި ބަޔާންކޮށްފައިއެވަނީ، މި ގާނޫނުގެ އަސްލު އެގޮތުގައި ދެމެހެއްޓުމަށާއި، މި ގާނޫނުގެ މަގްސަދު އެންމެ ފުޅާމިނުގައި ހާސިލުކުރުމަށް މަގުފަހިކުރުމުގެ ބޭނުމުގައެވެ. މި ގާނޫނުގެ ހަމަ ކޮންމެ މާއްދާ އެއްވެސް ކިޔަންވާނީ، އެ މަފްހޫމުތަކަށް ހަނިކަމެއް ނާންނާނެ ގޮތުގެމަތިން، އަދި އެ މަފްހޫމްތައް ދިރުވައި، ނެގެހެއްޓޭނެ ގޮތުގެމަތިންނެވެ.
7 ވަނަ މާއްދާ – އާބިޓްރޭށަން
"އާބިޓްރޭށަން" ކަމަށް ބުނެފައިއެވަނީ، ގާނޫނު ގަބޫލުކުރާ ގުޅުމަކުން ގުޅިފައިވާ ދެފަރާތެއްގެ ދެމެދުގައި، ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކެއްގެ މެދުގައި އުފެދޭ ވިޔަފާރީގެ މައްސަލަތައް، ށަރުއީ ކޯޓަކަށް ހުށަހެޅުމުގެ ބަދަލުގައި، މި ގާނޫނުގައި ބަޔާންވެގެންވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، އެ މައްސަލައެއްގައި ހިމެނޭ ފަރާތްތަކުން އައްޔަނުކުރާ މިނިވަން ތިންވަނަ ފަރާތެއް މެދުވެރިކޮށް ބަލައި، އެފަރާތުން އެ މައްސަލަ ނިންމައިދޭ ގޮތަށް ތަބާވެ އެ މައްސަލަ ހައްލުކުރުމުގެ ބައިނަލްއަގްވާމީ އުސޫލަށެވެ.
8 ވަނަ މާއްދާ - އާބިޓްރަލް ޓްރައބިއުނަލް
"އާބިޓްރަލް ޓްރައިބިއުނަލް" ކަމަށް ބުނެފައިއެވަނީ، މައްސަލައެއް ބަލައިދީ ގޮތެއް ކަނޑައެޅުމަށް އައްޔަނުކުރެވޭ، އަދި އެ މައްސަލައެއް ބަލައިދީ، ގޮތެއް ކަނޑައަޅައިދިނުމަށް ހުށަހެޅިފައިވާ، ތިންވަނަ ފަރާތަށެވެ. އެގޮތުން އައްޔަނުކުރެވޭ ތިންވަނަ ފަރާތަކީ، ހަމައެކަނި އެ މައްސަލަ ބަލައިދިނުމަށް އެ މައްސަލައިގައި ހިމެނޭ ފަރާތްތަކުން އެ މައްސަލައަށް އެކަނި އައްޔަނުކުރާ އެންމެ މީހެއް ކަމުގައިވެސް ވެދާނެއެވެ. ނުވަތަ 3 (ތިނެއް) މީހުންގެ މަޖިލީހެއް ކަމުގައިވެސް ވެދާނެއެވެ. ނުވަތަ އެއަށްވުރެ ގިނަ މީހުންގެ މައްޗަށް ހިމެނޭ މަޖިލީހެއް ކަމުގައިވެސް ވެދާނެއެވެ. ނުވަތަ އާބިޓްރޭށަނުގެ ހިދުމަތް ދާއިމީ ސިފައެއްގައި ދިނުމަށްޓަކައި ރަޖިސްޓަރީކޮށް، އެ ހިދުމަތް ދެމުންގެންދާ މަރުކަޒަކަށްވެސް ވެދާނެއެވެ.
9 ވަނަ މާއްދާ – އާބިޓްރޭޓަރު
"އާބިޓްރޭޓަރު" ކަމަށް ބުނެފައިއެވަނީ، މައްސަލައެއް ބަލައިދީ ގޮތެއް ކަނޑައެޅުމަށް އައްޔަނުކުރެވޭ، އަދި އެ މައްސަލައެއް ބަލައިދީ، ގޮތެއް ކަނޑައަޅައިދިނުމަށް ހުށަހެޅިފައިވާ، ތިންވަނަ ފަރާތުގެ މާނައިގައި ހިމެނޭ މީހާއަށް ނުވަތަ މީހުންގެ ތެރެއިން މީހަކަށެވެ.
10 ވަނަ މާއްދާ - އާބިޓްރަލް ޕްރޮސީޑިންގްސް
"އާބިޓްރަލް ޕްރޮސީޑިންގްސް" ކަމަށް ބުނެފައިއެވަނީ، އާބިޓްރޭޓަރު ބާއްވަމުންދާ ބައްދަލުވުންތަކަށާއި އަޑުއެހުންތަކަށެވެ.
11 ވަނަ މާއްދާ - އާބިޓްރަލް އެވޯޑު
"އާބިޓްރަލް އެވޯޑު" ކަމަށް ބުނެފައިއެވަނީ، އާބިޓްރޭޓަރަށް ހުށަހެޅޭ މައްސަލަ ބަލައި ނިންމުމަށްފަހު، އެ މައްސަލައިގައި ހިމެނޭ ފަރާތްތަކުން އަމަލުކުރަންވީ ގޮތް ކަމަށް ކަނޑައަޅައި ކުރާ އަމުރަށެވެ. ނުވަތަ މައްސަލައަށް ހޯދައިދޭ ހައްލަށެވެ.
ތިންވަނަ ބާބު
އާބިޓްރޭށަނުގެ އެއްބަސްވުން
12 ވަނަ މާއްދާ - އާބިޓްރޭށަނުގެ އެއްބަސްވުން މާނަކުރުން
(ހ) އާބިޓްރޭށަނުގެ އެއްބަސްވުމަކީ، ދެފަރާތެއްގެ ދެމެދުގައި، ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކެއްގެ މެދުގައި އުފެދިފައިވާ ގާނޫނީ ގުޅުމެއްގެ ތެރެއިން، ނުވަތަ އެ ގުޅުމުގެ ސަބަބުން، ނުވަތަ އެ ގުޅުމާއެކުގައި ކުރިއަށް ދިޔުމުގައި އުފެދޭ ވަކި މައްސަލައެއް ނުވަތަ ވަކި މައްސަލަތަކެއް ނުވަތަ ހަމަ ކޮންމެ މައްސަލައެއްމެ، އާބިޓްރޭށަނުގެ އުސޫލުން ހައްލުކުރުމަށް، އެއްބަސްވާ އެއްބަސްވުމެވެ.
(ށ) އާބިޓްރޭށަނުގެ އެއްބަސްވުމަކީ، އޭގެ ޒާތުގައި ވަކިން އޮތް އެއްބަސްވުމަކަށްވެސް ވެދާނެއެވެ. ނުވަތަ ދެފަރާތެއްގެ ދެމެދުގައި، ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކެއްގެ މެދުގައި އޮތް އެއްބަސްވުމެއްގައި ހިމެނޭ ވަކި މާއްދާއަކަށްވެސް ވެދާނެއެވެ.
13 ވަނަ މާއްދާ - އާބިޓްރޭށަނުގެ އެއްބަސްވުން ލިޔުމުން އޮތުން
(ހ) އާބިޓްރޭށަނުގެ އެއްބަސްވުން އޮންނަންވާނީ ލިޔުމުންނެވެ.
(ށ) އާބިޓްރޭށަނުގެ އެއްބަސްވުން ލިޔުމުން އޮތް ކަމަށް ފުދޭނީ، ނުވަތަ ބެލޭނީ އެ އެއްބަސްވުން ލިޔުމަށް ތިރިކޮށްފައި އޮތްނަމައެވެ. ނުވަތަ އަނގަބަހުން ނަމަވެސް ނުވަތަ އެނޫންގޮތަކަށް ނަމަވެސް އޮތް އެއްބަސްވުމެއް އެގޮތަށް އޮތްކަން ލިޔުމުން ރެކޯޑުކުރެވިފައިވާނަމައެވެ. ނުވަތަ ހެއްކަކަށް ފުދޭ ބާވަތުގެ ވަސީލަތެއްގައި އެއްވެސް ގޮތަކަށް އެކަން ރެކޯޑުކުރެވިފައިވާނަމައެވެ.
14 ވަނަ މާއްދާ - އާބިޓްރޭށަނުގެ އެއްބަސްވުމެއް އޮތްކަމަށް ބެލެވިދާނެ ހާލަތުތައް
(ހ) ދެފަރާތެއްގެ ދެމެދުގައި، ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކެއްގެ މެދުގައި އިލެކްޓްރޯނިކް ކޮމިއުނިކޭށަންގެ ވަސީލަތެއް މެދުވެރިކޮށް ބަދަލުކުރެވޭ ލިޔެކިޔުންތަކަށް ބިނާކޮށްގެންވެސް އާބިޓްރޭށަނުގެ އެއްބަސްވުމެއް އޮތްކަމުގައި ބެލެވިދާނެއެވެ.
(ށ) ދެފަރާތެއްގެ ދެމެދުގައި، ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކެއްގެ މެދުގައި ދެކެވޭ ވާހަކަތަކުގެ ތެރެއިން އެކެއްގެ ވާހަކައިގައި އާބިޓްރޭށަނުގެ އެއްބަސްވުމެއް އޮތްކަމަށް ބަޔާންކުރާއިރު، އަނެކެއްގެ ވާހަކައިގައި ނުވަތަ އަނެއް ބަޔެއްގެ ވާހަކައިގައި، އެކަމަށް އިންކާރު ނުކުރާހިނދަކު، އެފަރާތްތަކުގެ މެދުގައި އާބިޓްރޭށަނުގެ އެއްބަސްވުމެއް އޮތްކަމުގައި ބެލެވިދާނެއެވެ.
(ނ) ދެފަރާތެއްގެ ދެމެދުގައި، ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކެއްގެ މެދުގައި އޮތް އެއްބަސްވުމެއްގައި، އާބިޓްރޭށަނާގުޅޭ މާއްދާއެއް އޮތްނަމަ، އަދި އެ މާއްދާއަކީ އެ އެއްބަސްވުމުގެ ބައެއް ކަމުގައި ބެލެވޭނަމަ، ދެފަރާތުގެ ދެމެދުގައި އާބިޓްރޭށަނުގެ އެއްބަސްވުމެއް އޮތީކަމުގައި ބެލެވޭނެއެވެ.
15 ވަނަ މާއްދާ - އާބިޓްރޭށަނުގެ އެއްބަސްވުމެއް އޮތްކަމެއް ކޯޓަށް ހުށަހެޅުން
(ހ) އެއްވެސް ށަރުއީ ކޯޓަކަށް ހުށަހެޅޭ މައްސަލައަކީ އާބިޓްރޭށަނުގެ އުސޫލުން ނިންމުމަށް އެއްބަސްވުމެއް އޮތް މައްސަލައެއް ކަމުގައިވާނަމަ، އަދި އެ މައްސަލައާ ގުޅޭގޮތުން އަންނަނިވި ދެ ށަރުތު ފުރިހަމަވާނަމަ، އެ ހިސާބުން އެ މައްސަލަ އެ ކޯޓުގައި ކުރިއަށް ގެންދިޔުން ހުއްޓާލައި، އެ މައްސަލަ އާބިޓްރޭށަނަށް ހުށަހެޅުމަށް އެ ކޯޓުން އަމުރުކުރަންވާނެއެވެ.
- އެ މައްސަލައިގައި ޖަވާބުދާރީވުމަށް ދައުވާލިބޭ ފަރާތަށް ލިބޭ ފުރަތަމަ ފުރުސަތުގައި އާބިޓްރޭށަނުގެ އުސޫލުން އެ މައްސަލަ ހައްލުކުރުމަށް ބޭނުންވާކަމަށް އެ ކޯޓުގައި ބަޔާންކުރުން؛ އަދި
- އެ މައްސަލަ ނިސްބަތްވާ ނުވަތަ އެ މައްޗަށް އެ މައްސަލަ ބިނާވާ އެއްބަސްވުމަކީ، ބާތިލު ނުވަތަ އަމަލުކުރެވެން ނެތް ނުވަތަ ތަބާވެވެން ނެތް އެއްބަސްވުމެއްކަމަށް އެ ކޯޓަށް ނުފެނުން.
(ށ) އާބިޓްރޭށަނުގެ އުސޫލުން ނިންމުމަށް އެއްބަސްވުމެއް އޮތް މައްސަލައެއް ކޯޓަކަށް ހުށަހެޅިފައިވީ ނަމަވެސް، އާބިޓްރޭށަނުގެ އުސޫލުން އެ މައްސަލައެއް ކުރިއަށްގެންދަން ފެށުމާއި، ފަށާފައި އޮތް މައްސަލައެއްނަމަ ކުރިއަށްގެންދިޔުމާއި، ކުރިޔަށް ގެންގޮސް އެ މައްސަލައެއް ނިންމުމުގެ އިހްތިޔާރު، އާބިޓްރޭށަނަށް ހުށަހަޅާފައިވާ މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ލިބިގެންވެއެވެ. އެއީ، އެ މައްސަލަ މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކޯޓެއްގައި އޮތްކަމުގައި ވީނަމަވެހެވެ.
ހަތަރުވަނަ ބާބު
އާބިޓްރަލް ޓްރައިބިއުނަލް
16 ވަނަ މާއްދާ - އާބިޓްރޭޓަރުންގެ އަދަދު ކަނޑައެޅުން
(ހ) އާބިޓްރޭށަނަށް ހުށަހެޅޭ މައްސަލައެއް ބަލައި ހައްލުކުރުމަށްޓަކައި އައްޔަނުކުރާނީ އެއް އާބިޓްރޭޓަރަކުކަން ނުވަތަ އެއަށްވުރެ ގިނަ އަދަދެއްގެ އާބިޓްރޭޓަރުންކަން ކަނޑައެޅުމުގެ މިނިވަންކަން އެ މައްސަލައެއްގައި ހިމެނޭ ފަރާތްތަކަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތްކަމުގައި ވީނަމަވެސް، އެއް އާބިޓްރޭޓަރަށްވުރެ ގިނަ އާބިޓްރޭޓަރުން އައްޔަނުކުރާނަމަ، އެގޮތުން އައްޔަނުކުރާ އާބިޓްރޭޓަރުންގެ ޖުމްލަ އަދަދު އޮނަހިރި އަދަދަކަށް ވާންވާނެއެވެ.
(ނ) އާބިޓްރޭށަނަށް ހުށަހެޅޭ މައްސަލައެއް ބަލައި ހައްލުކުރުމަށްޓަކައި އައްޔަނުކުރާނެ އާބިޓްރޭޓަރުންގެ އަދަދަށް އެ މައްސަލައިގައި ހިމެނޭ ފަރާތްތަކަށް އެއްބަސްނުވެވޭ ކަމަށްވާނަމަ، އަންނަނިވި ގޮތަށް އަމަލުކުރެވިދާނެއެވެ.
- އާބިޓްރޭށަނަށް ހުށަހެޅޭ މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދަކީ 1.5 (އެކެއް ޕޮއިންޓް ފަހެއް) މިލިއަން ރުފިޔާ ނުވަތަ 1.5 (އެކެއް ޕޮއިންޓް ފަހެއް) މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ކަމަށްވާނަމަ، އެ މައްސަލަ ބެލުމަށް 3 (ތިނެއް) އާބިޓްރޭޓަރުން އައްޔަނުކުރުން؛
- އާބިޓްރޭށަނަށް ހުށަހެޅޭ މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދަކީ 1.5 (އެކެއް ޕޮއިންޓް ފަހެއް) މިލިއަން ރުފިޔާއަށް ވުރެ ކުޑަ އަދަދެއް ކަމުގައިވާނަމަ، 1 (އެކެއް) އާބިޓްރޭޓަރު އައްޔަނުކުރުން.
17 ވަނަ މާއްދާ - ގައުމީ ނިސްބަތަށް ނުބެލުން
(ހ) މި ގާނޫނުގެ ދަށުން އާބިޓްރޭށަނަށް ހުށަހެޅޭ މައްސަލައެއް ބެލުމަށް ދިވެހި ރައްޔިތުންނާއި ދިވެހިރާއްޖެއާއެކު ސިޔާސީ ގުޅުން ގާއިމުކޮށްފައިވާ ގައުމެއްގެ މީހުން އާބިޓްރޭޓަރުންގެ ގޮތުގައި އައްޔަނުކުރެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލުގެ ދާއިރާގެ ތެރޭގައި، އާބިޓްރޭށަނަށް ހުށަހެޅޭ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މެދުގައި އެހެންގޮތަކަށް އެއްބަސްވެފައިނުވާހާ ހިނދަކު، އާބިޓްރޭޓަރެއްގެ ގައުމީ ނިސްބަތަށް އެކަނި ބަލައި، އޭނާއަށް އާބިޓްރޭޓަރަކަށް ނުވެވޭނެ ކަމަށް ކަނޑައަޅައިގެންނުވާނެއެވެ.
18 ވަނަ މާއްދާ - އާބިޓްރޭޓަރުން އައްޔަނުކުރުމުގެ މިނިވަންކަން
އާބިޓްރޭށަނަށް ހުށަހެޅޭ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މެދުގައި ވާހަކަދައްކައިގެން، އާބިޓްރޭޓަރަކު ނުވަތަ އާބިޓްރޭޓަރުން އައްޔަނުކުރާނެ ގޮތް ކަނޑައެޅުމުގެ މިނިވަންކަން އެފަރާތްތަކަށް ލިބިގެންވެއެވެ.
19 ވަނަ މާއްދާ- ތިން އާބިޓްރޭޓަރުން އައްޔަނުކުރާނެ ގޮތް
(ހ) އާބިޓްރޭށަނަށް ހުށަހެޅޭ މައްސަލައިގައި ހިމެނޭ ފަރާތްތަކުން ބޭނުންވަނީ 3 (ތިނެއް) އާބިޓްރޭޓަރުން ކަނޑައަޅަން ކަމުގައިވާނަމަ، މައްސަލައިގައި ހިމެނޭ ދެފަރާތުންކުރެ ކޮންމެ ފަރާތަކުން ކަނޑައަޅާނީ 1 (އެކެއް) އާބިޓްރޭޓަރެވެ. އެގޮތުން 2 (ދޭއް) އާބިޓްރޭޓަރުން އައްޔަނުވުމުން، ތިންވަނަ އާބިޓްރޭޓަރެއް އައްޔަނުކުރާނީ، އެ 2 (ދޭއް) އާބިޓްރޭޓަރުންގެ އިއްތިފާގުން އެ 2 (ދޭއް) އާބިޓްރޭޓަރުންނެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތްކަމުގައި ވީނަމަވެސް، އަންނަނިވި ހާލަތުތަކުގައި އާބިޓްރޭޓަރު އައްޔަނުކުރާނީ، އާބިޓްރޭށަން ސެންޓަރުންނެވެ.
- މައްސަލައިގައި ހިމެނޭ ފަރާތަކުން އައްޔަނުކުރަންޖެހޭ އާބިޓްރޭޓަރު 30 (ތިރީސް) ދުވަހުގެ ތެރޭގައި އައްޔަނު ނުކުރެވުން؛ ނުވަތަ
- މައްސަލައިގައި ހިމެނޭ ފަރާތަކުން އާބިޓްރޭޓަރަކު އައްޔަނުކޮށްދިނުން އެދި މައްސަލައިގައި ހިމެނޭ އެހެން ފަރާތަކަށް ހުށަހަޅާ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެފަރާތް ތަމްސީލުކުރާނެ އާބިޓްރޭޓަރެއް އައްޔަނުކޮށްފައިނުވުން؛ ނުވަތަ
- 2 (ދޭއް) އާބިޓްރޭޓަރުން އައްޔަނުކުރެވޭ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެ 2 (ދޭއް) އާބިޓްރޭޓަރުންނަށް ތިންވަނަ އާބިޓްރޭޓަރެއް އައްޔަނު ނުކުރެވުން.
20 ވަނަ މާއްދާ - އެއް އާބިޓްރޭޓަރަކު އައްޔަނުކުރާނެ ގޮތް
(ހ) އާބިޓްރޭށަނަށް ހުށަހެޅޭ މައްސަލައިގައި ހިމެނޭ ފަރާތްތަކުން ބޭނުންވަނީ 1 (އެކެއް) އާބިޓްރޭޓަރު ކަނޑައަޅަން ކަމުގައިވާނަމަ، މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މެދުގައި ވާހަކަދައްކައިގެން، އައްޔަނުކުރާނެ އާބިޓްރޭޓަރަކާމެދު އެއްބަސްވެ، އެ އާބިޓްރޭޓަރަކު އައްޔަނުކުރުމުގެ މިނިވަންކަން އެފަރާތްތަކަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އާބިޓްރޭޓަރު ކަނޑަނޭޅިއްޖެނަމަ، ދެފަރާތުގެ ތެރެއިން ފަރާތަކުން އެދުމުން، އެ އާބިޓްރޭޓަރަކު ކަނޑައަޅާނީ އާބިޓްރޭށަން ސެންޓަރުންނެވެ.
21 ވަނަ މާއްދާ - އާބިޓްރޭށަން ސެންޓަރުން އެޅިދާނެ ފިޔަވަޅު
(ހ) އާބިޓްރޭށަނަށް ހުށަހެޅޭ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މެދުގައި އާބިޓްރޭޓަރުން އައްޔަނުކުރުމާ ގުޅޭގޮތުން ވަކި އުސޫލެއް ކަނޑައަޅާފައިވަނިކޮށް، އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ދިމާވެއްޖެނަމަ، ދެފަރާތުންކުރެ ކޮންމެވެސް އެއްފަރާތަކުން، އާބިޓްރޭށަން ސެންޓަރުގައި ކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅައިދިނުމަށް އެދެވިދާނެއެވެ.
- އާބިޓްރޭޓަރަކު އައްޔަނުކުރަންޖެހޭ ފަރާތުން އަމަލުކުރަންޖެހޭ ގޮތްކަމަށް ކަނޑައަޅާފައިވާގޮތަށް އެފަރާތުން އަމަލުނުކުރުން؛
- އާބިޓްރޭޓަރުން ކަނޑައެޅުމުގައި އަމަލުކުރަންޖެހޭ ގޮތަށް މައްސަލައިގައި ހިމެނޭ ދެފަރާތުންކުރެ ފަރާތަކަށް އެކަން ކުރެވިފައިނުވުން؛
- 2 (ދޭއް) އާބިޓްރޭޓަރުން ކަނޑައެޅުމަށްފަހު، ތިންވަނަ އާބިޓްރޭޓަރެއް ކަނޑައަޅަންޖެހޭ ގޮތަށް އެކަން ކުރެވިފައިނުވުން؛
- އާބިޓްރޭށަނަށް ހުށަހެޅޭ މައްސަލައިގައި ހިމެނޭ ފަރާތްތަކުން އެދުނު ގޮތުގެމަތިން ތިންވަނަ ފަރާތަކުން ކޮށްދޭންޖެހޭ ކަމެއް، އެ ކޮށްދޭންޖެހޭގޮތަށް ކޮށްދެވިފައިނުވުން.
(ށ) މި މާއްދާގެ ދަށުން އާބިޓްރޭށަން ސެންޓަރަށް ހުށަހެޅޭ މައްސަލައެއް އެ ސެންޓަރުން ނިންމާ ގޮތަކާމެދު އިސްތިއުނާފު ނުކުރުމަށް މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މެދުގައި އެއްބަސްވެވިދާނެއެވެ.
(ނ) މި މާއްދާގެ ދަށުން އައްޔަނުކުރާ އާބިޓްރޭޓަރުންގެ ޖުމްލަ އަދަދަކީ 3 (ތިނެއް) ކަމުގައިވާނަމަ، ނުވަތަ އެއަށްވުރެ ގިނަ އަދަދެއްގެ އާބިޓްރޭޓަރުން ކަމުގައިވާނަމަ، އެ އާބިޓްރޭޓަރުންގެ މެދުގައި އެމީހުން ކަނޑައަޅާ އިސް އާބިޓްރޭޓަރެއް ހުންނަންވާނެއެވެ. އަދި އެމީހުން ހިމެނޭ އާބިޓްރަލް ޓްރައިބިއުނަލް ހިންގުމުގެ އިސް ޒިންމާ އުފުލާނީ، އެ ޓްރައިބިއުނަލުން އެހެންގޮތަކަށް ކަނޑައަޅާފައިނުވާނަމަ، އިސް އާބިޓްރޭޓަރެވެ.
22. ވަނަ މާއްދާ - އާބިޓްރޭށަން ސެންޓަރުން އާބިޓްރޭޓަރުން ކަނޑައެޅުމުގައި ބަލަންޖެހޭ ކަންކަން
އާބިޓްރޭށަން ސެންޓަރުން އާބިޓްރޭޓަރަކު ނުވަތަ އާބިޓްރޭޓަރުން އައްޔަނުކުރުމުގައި އަންނަނިވި ކަންކަމަށް ބަލަންވާނެއެވެ.
(ހ) އެ އާބިޓްރޭޓަރެއްގައި ހުންނަންޖެހޭ ގާބިލުކަން؛
(ށ) އެ އާބިޓްރޭޓަރެއްގައި ހުންނަންޖެހޭ އިލްމު؛
(ނ) އާބިޓްރޭށަނަށް ހުށަހެޅިފައިވާ މައްސަލަ ހައްލުކުރުމަށްޓަކައި ބޭނުންވާ މިނިވަންކަމާއި ވަކިކޮޅަކަށް ނުޖެހުމުގެ ސިފަ؛
(ރ) 1 (އެކެއް) އާބިޓްރޭޓަރު އައްޔަނުކުރަންޖެހޭ ދަނޑިވަޅުގައި، މައްސަލައިގައި ހިމެނޭ ދެފަރާތް ނިސްބަތްވަނީ، ދެ ގައުމަށްކަމުގައިވާނަމަ، އެ ދެ ގައުމު ނޫން އެހެން ގައުމެއްގެ އާބިޓްރޭޓަރެއް އައްޔަނުކުރުން.
23 ވަނަ މާއްދާ - މަސްލަހަތު ފުށުއެރުމެއް އޮތްނަމަ އެންގުން
(ހ) އާބިޓްރޭޓަރަކަށް ވެދިނުން އެދި މީހަކަށް ހުށަހެޅުމެއް ލިބޭހިނދު، ވަކި ފަރާތަކަށް ނުޖެހި، މިނިވަންކަމާއެކު، އާބިޓްރޭޓަރެއްގެ މަސްއޫލިއްޔަތު އޭނާއަށް އަދާކޮށްނުދެވޭނެ އެއްވެސް ސަބަބެއް އޮތްކަމަށް އޭނާއަށް، އެހިނދު ފާހަގަކުރެވޭނަމަ، އެކަން އޭނާ އައްޔަނުކުރަން ބޭނުންވާ ފަރާތަށް އަންގައި، އެ މަގާމާ ހަވާލުވުމުން ތަނާޒުލްވާންވާނެއެވެ.
(ށ) ބިޓްރޭޓަރެއްގެ ގޮތުގައި އައްޔަނުވުމަށްފަހުވެސް، ވަކި ފަރާތަކަށް ނުޖެހި، މިނިވަންކަމާއެކު، އާބިޓްރޭޓަރެއްގެ މަސްއޫލިއްޔަތު އޭނާއަށް އަދާކޮށްނުދެވޭނެ އެއްވެސް ސަބަބެއް އޮތްކަމަށް ފާހަގަކުރެވިއްޖެކަމަށްވާނަމަ، އެކަން، އޭނާ އައްޔަނުކުރި ފަރާތަށް އަންގައި، އެ މަގާމުން އޭނާ ތަނާޒުލްވާންވާނެއެވެ. އަދި، އާބިޓްރޭޓަރަކަށް އޭނާ ހުރީ، އެކަކަށްވުރެ ގިނަ އާބިޓްރޭޓަރުންގެ ޓްރައިބިއުނަލެއްގައި ކަމުގައިވާނަމަ، ދެން އެ ޓްރައިބިއުނަލްގައި ތިބި އާބިޓްރޭޓަރުންނަށްވެސް އެކަން އޭނާ އަންގަންވާނެއެވެ.
24 ވަނަ މާއްދާ - އާބިޓްރޭޓަރުންގެ ސުލޫކު
އާބިޓްރޭޓަރެއްގެ މަގާމުގައި ހުންނަ މީހާގެ ސުލޫކާއި އަމަލު ބަހައްޓަންވާނީ، ބެންގަލޯރ ޕްރިންސިޕަލްސްގެ ހަމަތަކަށް ތަބާވާ ގޮތުގެމަތިންނެވެ.
25 ވަނަ މާއްދާ - އާބިޓްރޭޓަރަކު އެކަށީގެންނުވާ ކަމަށް ކަނޑައެޅޭނެ ހާލަތު
މި ގާނޫނުގެ ދަށުން އައްޔަނުކުރެވޭ އާބިޓްރޭޓަރަކު އައްޔަނުކުރުމަށްފަހު، އޭނާ އެ މަގާމަށް އެކަށީގެންނުވާ ކަމަށް ކަނޑައަޅައި އޭނާ އެ މަގާމުން ވަކިކުރެވޭނީ، އަންނަނިވި ހަތަރު ހާލަތުގެ ތެރެއިން ހާލަތެއް ދިމާވުމުން އެކަންޏެވެ.
(ހ) ވަކި ފަރާތަކަށް ނުޖެހި، މިނިވަންކަމާއެކު، އާބިޓްރޭޓަރެއްގެ މަސްއޫލިއްޔަތު އަދާކޮށްދެވެން ނެތް ސަބަބެއް ދިމާވުން؛ ނުވަތަ
(ށ) އެ މައްސަލައަށް އައްޔަނުކުރެވޭ އާބިޓްރޭޓަރެއްގައި ހުންނަންޖެހޭ އިލްމީ ގާބިލުކަން ނެތްކަމަށް ފެނުން؛ ނުވަތަ
(ނ) އާބިޓްރޭޓަރެއްގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގަބޫލުކުރެވެން ނެތް މިންވަރަށް ލަސްވުން ހިމެނިގެންވުން؛ ނުވަތަ
(ރ) އާބިޓްރޭޓަރެއްގެ މަސްއޫލިއްޔަތު އެކަށީގެންވާ ގޮތުގައި އަދާކުރަމުން ނުދިޔުން.
26 ވަނަ މާއްދާ - އާބިޓްރޭޓަރަކު ވަކިކުރާނެ ގޮތް
(ހ) އާބިޓްރޭޓަރެއްގެ މަގާމަށް އައްޔަނުކުރެވޭ މީހަކު، މި ގާނޫނުގެ 25 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތެއް ދިމާވެގެން، މަގާމުގައި ހުރުމަށް އެކަށީގެންނުވާ ކަމަށް ކަނޑައަޅައި، މަގާމުން ވަކިކުރާނެ އުސޫލާމެދު، އާބިޓްރޭށަނަށް ހުށަހެޅޭ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މެދުގައި އެއްބަސްވެވިދާނެއެވެ.
(ށ) އާބިޓްރޭށަނަށް ހުށަހެޅޭ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މެދުގައި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ އެއްބަސްވުމެއް ނެތްނަމަ، އާބިޓްރޭޓަރެއްގެ މަގާމަށް އައްޔަނުކުރެވޭ މީހަކު، މި ގާނޫނުގެ 25 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތެއް ދިމާވެގެން، ވަކިކުރުމަށް ބޭނުންވާ ފަރާތުން، އާބިޓްރަލް ޓްރައިބިއުނަލް ގާއިމުކުރެވޭ ދުވަހުން ފެށިގެން ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، އެކަން އާބިޓްރަލް ޓްރައިބިއުނަލަށް ހުށަހަޅަންވާނެއެވެ. ނުވަތަ އެފަރާތަށް އެކަން އެނގުނީ އެ 15 (ފަނަރަ) ދުވަސް ފާއިތުވެދިޔަފަހުން ކަމުގައިވާނަމަ އެފަރާތަށް އެކަން އެނގޭ ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، އެކަން އާބިޓްރަލް ޓްރައިބިއުނަލަށް ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އާބިޓްރަލް ޓްރައިބިއުނަލަށް ހުށަހެޅުމެއް ލިބޭހިނދު، އެ ހުށަހެޅުން ނިސްބަތްވާ އާބިޓްރޭޓަރަށް، އަމިއްލައަށް އެ މަގާމުން އިސްތިއުފާދެވިދާނެއެވެ. ނުވަތަ އެ މައްސަލައިގައި ހިމެނޭ އަނެއް ފަރާތުން ނުވަތަ އެހެން ފަރާތްތަކުން، އެ ހުށަހެޅުމާމެދު އެއްބަސްވާނަމަ، އޭނާ އެ މަގާމުން ވަކިވާނެއެވެ. އެ ހުށަހެޅުމާމެދު، މައްސަލައިގައި ހިމެނޭ އަނެއް ފަރާތުން ނުވަތަ އެހެން ފަރާތްތަކުން އެއްބަސްނުވާނަމަ، އޭނާ އެ މަގާމުން ވަކިކުރުމާމެދު ގޮތެއް ނިންމާނީ އާބިޓްރަލް ޓްރައިބިއުނަލުންނެވެ. އެއީ، އެ ޓްރައިބިއުނަލް އެކުލެވިގެންވަނީ، 3 އާބިޓްރޭޓަރުން ނުވަތަ އެއަށްވުރެ ގިނަ އާބިޓްރޭޓަރުންގެ މައްޗަށް ކަމުގައިވާނަމައެވެ. އެ ޓްރައިބިއުނަލުގައި ހިމެނެނީ، އެންމެ އާބިޓްރޭޓަރެއް ކަމުގައިވާނަމަ، އެ މައްސަލައާމެދު ގޮތެއް ނިންމާނީ، އެ ޓްރައިބިއުނަލުގެ ބަދަލުގައި އާބިޓްރޭށަން ސެންޓަރުންނެވެ.
(ރ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އާބިޓްރަލް ޓްރައިބިއުނަލަށް ހުށަހެޅޭ ހުށަހެޅުމެއް މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ބެލުމަށްފަހު، އޭނާ މަގާމުން ވަކިކުރުމަށް އާބިޓްރަލް ޓްރައިބިއުނަލަށް ނުފެނިއްޖެނަމަ، އެގޮތަށް އެ ނިންމުން އާބިޓްރަލް ޓްރައިބިއުނަލުން ނިންމާ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، އޭނާ ވަކިކުރަން ހުށަހެޅި ފަރާތުން، އެކަން، އާބިޓްރޭށަން ސެންޓަރަށް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. އާބިޓްރޭށަން ސެންޓަރުން އެކަމާމެދު ނިންމާ ނިންމުން އެއީ، އެކަމުގައި އެންމެ ފަހުގެ ނިންމުން ކަމުގައި މައްސަލައިގައި ހިމެނޭ ފަރާތްތަކަށް އެއްބަސްވެވިދާނެއެވެ.
(ބ) އާބިޓްރޭށަން ސެންޓަރުން މި މާއްދާގެ (ރ) ގައި ބަޔާންވެގެންވާ ގޮތުގެމަތިން ގޮތެއް ނިންމުމާ ހަމައަށް، ވަކިކުރުމަށް ހުށަހަޅާފައިވާ އާބިޓްރޭޓަރަށް، އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރަމުން ގެންދެވިދާނެއެވެ.
(ޅ) މި މާއްދާގެ (ށ) ގެ ދަށުން އާބިޓްރަލް ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލައަކާ ގުޅިގެން، އާބިޓްރޭޓަރަކު އޭނާގެ މަގާމުން އަމިއްލައަށް ވަކިވުމަކީ، އޭނާއާމެދު ކުރެވުނު ތުހުމަތުތަކަށް އޭނާ އެއްބަސްވުން ކަމުގައެއް ނުބެލެވޭނެއެވެ.
27 ވަނަ މާއްދާ - ބަދަލު އާބިޓްރޭޓަރަކު އައްޔަނުކުރުން
(ހ) މި ގާނޫނުގެ 26 ވަނަ މާއްދާގެ ދަށުން އާބިޓްރޭޓަރެއްގެ މަގާމު ހުސްވެއްޖެކަމަށްވާނަމަ، އެ ހުސްވި މަގާމަށް ބަދަލު އާބިޓްރޭޓަރަކު ހަމަޖައްސަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ބަދަލު އާބިޓްރޭޓަރަކު ހަމަޖައްސާނީ އެ ހުސްވި މަގާމުގައި ހުރި އާބިޓްރޭޓަރު އައްޔަނުކުރުމުގައި އަމަލުކުރި އުސޫލުންނެވެ.
28 ވަނަ މާއްދާ - އާބިޓްރޭޓަރު ބަދަލުވުމުން މަސައްކަތަށް ކުރާ އަސަރު
(ހ) އާބިޓްރޭށަނަށް ހުށަހެޅިފައިވާ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މެދުގައި އެހެންގޮތަކަށް އެއްބަސްވެފައިނުވާނަމަ، މި ގާނޫނުގެ 27 ވަނަ މާއްދާގެ ދަށުން އައްޔަނުކުރާ ބަދަލު އާބިޓްރޭޓަރަކީ، އެ އާބިޓްރޭށަނަށް އައްޔަނުކުރެވުނު ހަމައެކަނި އާބިޓްރޭޓަރު ކަމުގައިވާނަމަ، ނުވަތަ އާބިޓްރަލް ޓްރައިބިއުނަލްގެ އިސް އާބިޓްރޭޓަރު ކަމުގައިވާނަމަ، އެހާތަނަށް އެ އާބިޓްރޭށަނުގައި ކުރެވިފައިވާ މަސައްކަތް، ބަދަލު އާބިޓްރޭޓަރު އައްޔަނުކުރެވުމުން، ބާތިލުކޮށް، އަލުން އެ އާބިޓްރޭށަނުގެ މަސައްކަތް ފަށަންވާނެއެވެ.
(ށ) މި ގާނޫނުގެ 27 ވަނަ މާއްދާގެ ދަށުން އައްޔަނުކުރާ ބަދަލު އާބިޓްރޭޓަރަކީ، އެ އާބިޓްރޭށަނަށް އައްޔަނުކުރެވުނު ހަމައެކަނި އާބިޓްރޭޓަރު ކަމުގައި ނުވާނަމަ، ނުވަތަ އާބިޓްރަލް ޓްރައިބިއުނަލްގެ އިސް އާބިޓްރޭޓަރު ކަމުގައި ނުވާނަމަ، އެހާތަނަށް އާބިޓްރޭށަނުގައި ކުރެވިފައިވާ މަސައްކަތް ބާތިލުނުކޮށް، އާބިޓްރޭށަނުގެ މަސައްކަތް ކުރިއަށް ގެންދިޔުމުގެ އިހްތިޔާރު އާބިޓްރަލް ޓްރައިބިއުނަލަށް ލިބިގެންވެއެވެ.
ފަސްވަނަ ބާބު
އާބިޓްރަލް ޓްރައިބިއުނަލްގެ އިހްތިސާސް
29 ވަނަ މާއްދާ - އަމިއްލަ އިހްތިސާސްއާމެދު ގޮތް ކަނޑައެޅުމުގެ ބާރު
(ހ) މި ގާނޫނުގެ ދަށުން އެކުލަވާލެވޭ އާބިޓްރަލް ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލައާ ގުޅޭގޮތުން، އެ ޓްރައިބިއުނަލްގެ ބާރު ހިނގާ ދާއިރާ ކަނޑައެޅުމުގެ އިހްތިސާސް، އެ ޓްރައިބިއުނަލަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ އިހްތިސާސްގެ ތެރޭގައި އާބިޓްރަލް ޓްރައިބިއުނަލަށް ހުށަހެޅިފައިވާ އާބިޓްރޭށަނުގެ އެއްބަސްވުމަކީ، ސައްހަ އެއްބަސްވުމެއްކަމާމެދު އުފެދޭ ދެބަސްވުންތަކާއި އެފަދަ އެއްބަސްވުމެއް ވުޖޫދުގައި އޮތްކަމާމެދު އުފެދޭ ދެބަސްވުންތަކާމެދު ގޮތެއް ނިންމުމުގެ ބާރުވެސް ހިމެނިގެންވެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ އިހްތިސާސްގެ ތެރޭގައި، އާބިޓްރަލް ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައްސަލައަކީ، އެ ޓްރައިބިއުނަލުން ބެލުމުގެ އިހްތިސާސް އެ ޓްރައިބިއުނަލަށް ލިބިގެންވާ މައްސަލައެއް ކަމާމެދު އުފެދޭ ދެބަސްވުންތަކާމެދު ގޮތެއް ނިންމުމުގެ ބާރުވެސް އެ ޓްރައިބިއުނަލުގެ އިހްތިސާސްގެ ތެރޭގައި ހިމެނިގެންވެއެވެ.
30 ވަނަ މާއްދާ - އާބިޓްރޭށަނުގެ އެއްބަސްވުމުގެ ސައްހަކަން
(ހ) މި ގާނޫނުގެ 29 ވަނަ މާއްދާގެ (ށ) އާއި (ނ) ގެ ބޭނުމަށްޓަކައި، އާބިޓްރަލް ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައްސަލަ ބިނާވެފައިވާ އެއްބަސްވުމުގައި އޮތް އާބިޓްރޭށަނާބެހޭ މާއްދާ ބެލެވޭނީ އެއީ، ވަކިން އޮތް މިނިވަން އާބިޓްރޭށަނުގެ އެއްބަސްވުމެއް ކަމުގައެވެ.
(ށ) އާބިޓްރޭށަނުގެ މާއްދާއެއް އޮތް އެއްބަސްވުމެއް އާބިޓްރަލް ޓްރައިބިއުނަލުން ބެލުމަށްފަހު، އެ އެއްބަސްވުމުގެ ބައެއް މާއްދާތަކަކީ ނުވަތަ އެ އެއްބަސްވުމުގައިވާ ހުރިހާ މާއްދާތަކަކީ ބާތިލު މާއްދާތަކެއް ކަމަށް އެ ޓްރައިބިއުނަލުން ކަނޑައެޅުމަކީ، އެ އެއްބަސްވުމުގައި އޮތް އާބިޓްރޭށަނުގެ މާއްދާ ސައްހަނޫން ކަމަށް، އޭގެ ޒާތުގައި ބަލަންވީ ސަބަބެއްނޫނެވެ. އެއީ، އާބިޓްރޭށަނަށް ފުރަތަމަ ދެވެނީވެސް، އެ މާއްދާ އެހެން އޮތުމުން ކަމުގައިވާތީއެވެ.
31 ވަނަ މާއްދާ - އިހްތިސާސް ނެތްކަމުގެ ށަކުވާ
(ހ) އާބިޓްރަލް ޓްރައިބިއުނަލުން މައްސަލައެއް ބެލުމަށް އޮތް އިހްތިސާސް އެ ޓްރައިބިއުނަލަށް ލިބިގެންވާ ކަމާމެދު މައްސަލައިގައި ހިމެނޭ ފަރާތަކުން އިންކާރުކުރަން ބޭނުންވާނަމަ، އެކަންކުރެވޭނީ، އެ މައްސަލައިގައި ވާހަކަދެއްކުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް އޭނާއަށް ލިބޭ ވަގުތުގައެވެ.
(ށ) އާބިޓްރަލް ޓްރައިބިއުނަލުން މައްސަލައެއް ބެލުމަށް އޮތް އިހްތިސާސް އެ ޓްރައިބިއުނަލަށް ލިބިގެންވާ ކަމާމެދު މައްސަލައިގައި ހިމެނޭ ފަރާތަކުން އިންކާރުކުރާހިނދު، އެ ޓްރައިބިއުނަލަށް އޭނާ އާބިޓްރޭޓަރަކު އައްޔަނުކޮށްފައިވުމަކީ، ނުވަތަ އެ ޓްރައިބިއުނަލް އެކުލަވާލުމުގައި އޭނާ ބައިވެރިވެފައިވުމަކީ، އެފަދަ އިންކާރެއް ކުރުމަށް އޭނާއަށް ލިބިދޭ ފުރުސަތު އޭގެ ޒާތުގައި، ހަނިވެގެން ނުވަތަ ނެތިގެން ދާންވީ ސަބަބެއްނޫނެވެ.
32 ވަނަ މާއްދާ - އިހްތިސާސުން ބޭރަށް ދިޔުން
(ހ) އާބިޓްރަލް ޓްރައިބިއުނަލުން މައްސަލައެއް ބެލުމަށް އޮތް އިހްތިސާސްއަށް ވުރެ ބޭރަށް، އެ މައްސަލައެއް ބެލުމުގައި، އެ ޓްރައިބިއުނަލުން ހިނގައްޖެކަމަށް، އެ ޓްރައިބިއުނަލުގައި އޮތް މައްސަލައިގައި ހިމެނޭ ފަރާތަކަށް ފެނިއްޖެނަމަ، އެކަމެއް ހިނގި ވަގުތުގައި، އެކަމެއް ފާހަގަކުރަންވާނެއެވެ.
(ށ) އާބިޓްރަލް ޓްރައިބިއުނަލުން މައްސަލައެއް ބެލުމަށް އޮތް އިހްތިސާސްއަށްވުރެ ބޭރަށް، އެ މައްސަލައެއް ބެލުމުގައި، އެ ޓްރައިބިއުނަލުން ހިނގައްޖެކަމަށް، މައްސަލައިގައި ހިމެނޭ ފަރާތަކުން، މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ފާހަގަކޮށްފިނަމަ، އޭރު އެ ޓްރައިބިއުނަލުން ބަލަމުންދިޔަ މައްސަލަ ބެލުން އެ ވަގުތަށް މެދުކަނޑާލައި، އެ ނުކުތާއާމެދު ގޮތެއް ނިންމުމުގެ އިހްތިޔާރު އެ ޓްރައިބިއުނަލަށް ލިބިގެންވެއެވެ. ނުވަތަ އެ ޓްރައިބިއުނަލުން އޭރު ބަލަމުންދިޔަ މައްސަލަ އެގޮތުގައި ބަލަމުންގޮސް ނިންމައި، އާބިޓްރޭށަނުގެ އެވޯޑުގައި އެ ނުކުތާއަށް ޓްރައިބިއުނަލުން ޖަވާބުދާރީވުމުންވެސް ފުދޭނެއެވެ.
(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ފާހަގަކުރެވޭ އިހްތިސާސްގެ ނުކުތާއެއް، އާބިޓްރަލް ޓްރައިބިއުނަލުން ވަކި ނުކުތާއެއްގެ ގޮތުގައި ބެލުމަށްފަހު، އެ ޓްރައިބިއުނަލުން، އެ ޓްރައިބިއުނަލުގެ އިހްތިސާސްއިން ބޭރަށް ނުދާކަމަށް ކަނޑައަޅައިފިނަމަ، އެކަމާމެދު ހިތްހަމަނުޖެހޭ ފަރާތުން އެކަން، ޓްރައިބިއުނަލުން އެގޮތަށް ކަނޑައެޅި ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެކަމާމެދު ގޮތެއް ނިންމައިދިނުން އެދި، ކޯޓަށް ހުށަހެޅުމުގެ އިހްތިޔާރު އެފަރާތަށް ލިބިގެންވެއެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ކޯޓަށް ހުށަހެޅޭ މައްސަލައެއްގައި، އެ ކޯޓުން ކަނޑައަޅާގޮތް އެއީ، އެ މައްސަލައިގެ އެންމެ ފަހުގެ ނިންމުން ކަމުގައި އެފަރާތާއި އާބިޓްރަލް ޓްރައިބިއުނަލާމެދު އެއްބަސްވެވިދާނެއެވެ.
(ބ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޯޓަށް ހުށަހެޅޭ މައްސަލައެއް ނުނިމި، އެ ކޯޓުގައި އޮތްހާ ހިނދަކު، އާބިޓްރަލް ޓްރައިބިއުނަލުގެ މަސައްކަތް އެ ޓްރައިބިއުނަލުން ކުރިއަށް ގެންދިޔުމަކީ އެ ޓްރައިބިއުނަލަށް ކުރެވިދާނެ ކަމެކެވެ.
ހަވަނަ ބާބު
ވަގުތީ ފިޔަވަޅު އެޅުމުގެ ބާރު
33 ވަނަ މާއްދާ - ޓްރައިބިއުނަލުން ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރު ނެރުން
(ހ) އާބިޓްރޭށަނަށް ހުށަހެޅިފައިވާ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މެދުގައި އެހެންގޮތަކަށް އެއްބަސްވެފައިނުވާހާ ހިނދަކު، އެއިން ފަރާތަކުން އާބިޓްރަލް ޓްރައިބިއުނަލަށް ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް، ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރު ނެރުމުގެ ބާރު އެ ޓްރައިބިއުނަލަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި "ވަގުތީ ފިޔަވަޅު" ކަމަށް ބުނެފައިއެވަނީ، އާބިޓްރަލް ޓްރައިބިއުނަލުން ބަލަމުންދާ މައްސަލަ އޭގެ ޒާތުގައި ނިންމައި، އާބިޓްރަލް އެވޯޑެއް ކަނޑައެޅުމާ ހަމައަށް، އަންނަނިވި ކަންކަން އެގޮތުގައި ދެމެހެއްޓުމުގެ ބޭނުމުގައި، އެ ޓްރައިބިއުނަލުން ކުރާ އަމުރަކަށެވެ.
- މައްސަލަ ބަލައި ނިމި އާބިޓްރަލް އެވޯޑެއް ކަނޑައެޅެންދެން، އާބިޓްރޭށަނަށް ހުށަހެޅިފައިވާ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މެދުގައި މައްސަލަ ހުށަހެޅުމާ ހަމައަށް އޮތް ގުޅުން އެގޮތުގައި ދެމެހެއްޓުމަށް، ނުވަތަ އެ ގުޅުން އަލުން އިއާދަކުރުމަށް؛ ނުވަތަ
- އާބިޓްރަލް ޓްރައިބިއުނަލުން ބަލަމުންދާ މައްސަލައަށް ނުރަނގަޅު އަސަރެއް ފޯރަފާނެ ކަމެއް ހުއްޓުވުމަށް؛ ނުވަތަ
- އާބިޓްރަލް އެވޯޑެއް ކަނޑައެޅުމާ ގުޅިގެން ބަދަލު ނަގައިދޭންޖެހޭ ހާލަތެއް އަތުވެއްޖެނަމަ، އެ ބަދަލު ނަގައިދިނުމަށްޓަކައި ބޭނުންކުރަންޖެހޭ މުދަލާއި ވަސީލަތްތައް އެގޮތުގައި ދެމެހެއްޓުމަށް؛ ނުވަތަ
- އާބިޓްރަލް ޓްރައިބިއުނަލުން ބަލަމުންދާ މައްސަލަ ހައްލުކުރުމަށްޓަކައި ބޭނުންވާ ހެކި ރައްކާތެރިކޮށް، އެގޮތުގައި ދެމެހެއްޓުމަށް.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރެއް، މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އާބިޓްރަލް ޓްރައިބިއުނަލުން ނެރޭނީ، މައްސަލައިގައި ހިމެނޭ ފަރާތްތަކަށް އެންގުމަށްފަހު، އެފަރާތްތަކުން އެ ކަމާ ގުޅޭގޮތުން ދައްކަން ބޭނުންވެދާނެ ވާހަކައެއް ޓްރައިބިއުނަލްގައި ދެއްކުމަށް ފުރުސަތު ދިނުމަށްފަހުގައެވެ.
34 ވަނަ މާއްދާ - އެކެއްގެ ހުށަހެޅުމަށް ވަގުތީ އަމުރު ނެރުން
(ހ) މި ގާނޫނުގެ 33 ވަނަ މާއްދާގެ (ނ) އެހެން އޮތްކަމުގައި ވީނަމަވެސް، އާބިޓްރޭށަނަށް ހުށަހެޅިފައިވާ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން އެއްފަރާތުގެ ހުށަހެޅުމަށް އަދި އެ މައްސަލައިގައި ހިމެނޭ އެހެން ފަރާތަކަށް އެންގުމަކާ ނުލައި، ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރެއް ނެރުމުގެ ބާރު އާބިޓްރަލް ޓްރައިބިއުނަލަށް ލިބިގެންވެއެވެ. އެހެންނަމަވެސް، އެފަދަ އަމުރެއް އާބިޓްރަލް ޓްރައިބިއުނަލުން ނެރެންވާނީ، މައްސަލައިގައި ހިމެނޭ އެހެން ފަރާތަކަށް އެކަން ދުރާލާ އަންގައިފި ކަމަށްވާނަމަ، އެ އަމުރު ނެރުމުގެ މަގްސަދު ހާސިލުނުވެދާނެ ކަމަށް އާބިޓްރަލް ޓްރައިބިއުނަލަށް ފެނިއްޖެ ހިނދެއްގައެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަމުރެއް އާބިޓްރަލް ޓްރައިބިއުނަލުން ނެރެފި ހިނދެއްގައި، އެ އަމުރު ނެރުމަށްފަހު، ލަސްކުރުމެއް ނެތި، އެ އަމުރާގުޅޭ އެންމެހައި މައުލޫމާތު، މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތަކަށް ދޭންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ދިނުމުގައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަމުރަށް އެދި ހުށަހެޅި ހުށަހެޅުމާއި، އެ ހުށަހެޅުމުގެ ޒާތާއި، ކަމާ ގުޅޭގޮތުން އާބިޓްރަލް ޓްރައިބިއުނަލަށް ލިބިފައިވާ ލިޔެކިޔުމާއި، އެ ޓްރައިބިއުނަލަށް ކަމާ ގުޅޭގޮތުން އަނގަބަހުން ދީފައިވާ ބަޔާންތަކާގުޅޭ މައުލޫމާތުވެސް އެފަރާތްތަކަށް ދޭންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަމުރެއް އާބިޓްރަލް ޓްރައިބިއުނަލުން ނެރެފި ހިނދެއްގައި، އެ އަމުރު ނިސްބަތްވާ ފަރާތުން އެކަމަށް ޖަވާބުދާރީވުމަށްޓަކައި އެ ޓްރައިބިއުނަލުން ފުރުސަތު ދޭންވާނެއެވެ. އަދި، އެފަރާތުން ޖަވާބުދާރީވުމުން، ދެން އެ އަމުރާމެދު އަމަލުކުރާނެ ގޮތެއް، އާބިޓްރަލް ޓްރައިބިއުނަލުން ލަސްވުމެއްނެތި ނިންމައި، މައްސަލައިގައި ހިމެނޭ ފަރާތްތަކަށް އެ ނިންމުން ނިންމި ގޮތް އަންގަންވާނެއެވެ.
35 ވަނަ މާއްދާ - ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރަކަށް އެދުމުގައި ކަށަވަރު ކޮށްދޭންޖެހޭ ކަންކަން
(ހ) ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރަކަށް އެދި، މި ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ނުވަތަ 34 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ފަރާތުން އާބިޓްރަލް ޓްރައިބިއުނަލަށް އަންނަނިވި ކަންކަން ކަށަވަރުކޮށްދޭންވާނެއެވެ.
- އެ ފިޔަވަޅު އެ ވަގުތު ނާޅައިފި ކަމުގައި ވާނަމަ، އާބިޓްރަލް އެވޯޑެއްގެ ދަށުން ލިބެންޖެހޭ ބަދަލު، އެކަށީގެންވާ ގޮތެއްގައި ނުލިބޭނެ ކަން؛
- އަމުރު ނިސްބަތްވާ ފަރާތަށް އެ އަމުރު ނެރުމުގެ ސަބަބުން ލިބޭ ގެއްލުމަށްވުރެ، ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރެއް ނުނެރުމުގެ ސަބަބުން ލިބޭ ގެއްލުން ނިސްބަތުން ބޮޑުވާނެ ކަން؛
- ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރަށް އެދި ހުށަހަޅާ ފަރާތަށް ފަހިވާ ގޮތަށް އާބިޓްރޭށަނުގެ މައްސަލަ ނިމުމުގެ ފުރުސަތު ބޮޑުކަން.
(ށ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރު ގައިވާ ގޮތުގެ މައްޗަށް އާބިޓްރަލް ޓްރައިބިއުނަލުން ނިންމާ ނިންމުމަކީ، ކޮންމެހެން އާބިޓްރޭށަނުގައި އޮތް މައްސަލަ އެގޮތުގެމަތިން ނިމިގެން ހިނގައިދާނެ ކަމަށް ދަލީލުކޮށްދޭ ސަބަބެއްނޫނެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރަކަށް އެދި އާބިޓްރަލް ޓްރައިބިއުނަލަށް ހުށަހަޅާ ހުށަހެޅުމާ ގުޅިގެން، އެ އަކުރުގެ (1) ވަނަ ނަންބަރުން (3) ވަނަ ނަންބަރަށް ބަޔާންކޮށްފައިވާ ކަންކަން، އެ ޓްރައިބިއުނަލަށް ކަށަވަރުވާންޖެހޭނީ، އެ ޓްރައިބިއުނަލުން ކަނޑައަޅާ ނިސްބަތަކަށެވެ.
36 ވަނަ މާއްދާ - ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރު އިސްލާހުކުރުން
(ހ) މި ގާނޫނުގެ ދަށުން ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރެއް ނެރުމަށްފަހު، އެ އަމުރަށް ބަދަލުގެނައުމާއި، އެ އަމުރު ނުހިނގާ ގޮތަށް ހިފެހެއްޓުމާއި، އެ އަމުރު ނިމުމަކަށް ގެނައުމުގެ ބާރު، އާބިޓްރަލް ޓްރައިބިއުނަލަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އާބިޓްރަލް ޓްރައިބިއުނަލަށް ބާރުލިބިދޭ ނިންމުމެއް އެ ޓްރައިބިއުނަލުން ނިންމާނީ، އެ ޓްރައިބިއުނަލުގައި އޮތް މައްސަލައިގައި ހިމެނޭ ފަރާތެއްގެ ހުށަހެޅުމެއް އެ ޓްރައިބިއުނަލަށް ލިބުމުން، އެ މައްޗަށް ރިއާޔަތްކުރުމަށްފަހު، އެފަދަ ނިންމުމެއް ނިންމުން ޖާއިޒުކަމަށް އެ ޓްރައިބިއުނަލަށް ފެނިއްޖެނަމައެވެ. ނުވަތަ އެފަދަ ހުށަހެޅުމެއް ނެތި، ހާއްސަ ހާލަތެއް އޮތްކަމަށް ބަލައި، އެ ޓްރައިބިއުނަލުގެ އަމިއްލަ އިހްތިޔާރުގައި، އަމިއްލަ އިސްނެގުމުގައެވެ.
37 ވަނަ މާއްދާ - ޔަގީންކަށަވަރުކަން ދިނުން
(ހ) މި ގާނޫނުގެ ދަށުން ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރެއް ނެރުމުގައި، އެ ފިޔަވަޅަށް އެދޭ ފަރާތުން އެ ފިޔަވަޅާ ގުޅޭގޮތުން، އެކަށީގެންވާ މިންވަރެއްގެ ޔަގީންކަށަވަރުކަން އާބިޓްރަލް ޓްރައިބިއުނަލަށް ދިނުމަށް އެ ޓްރައިބިއުނަލުން ކަނޑައަޅަންވާނެއެވެ. އަދި، އެފަދަ ޔަގީންކަށަވަރުކަމެއް ހޯދުމަކާ ނުލައި، ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރެއް ނެރެދޭންވާނީ، އެއީ، އެވަގުތަށް ބޭނުމެއް ނެތް ކަމެއް ކަމުގައި އެ ޓްރައިބިއުނަލަށް ފެންނަ ހާލަތުގައި އެކަންޏެވެ.
(ށ) މި މާއްދާގެ (ހ) ގައި "ޔަގީންކަށަވަރުކަން ދިނުން" ކަމަށް ބުނެފައި އެވަނީ، ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރު ނިސްބަތްވާ ފަރާތުން ކުރަންޖެހިދާނެ ހަރަދަކަށް ނުވަތަ އެފަރާތުން ލިބިދާނެ ގެއްލުމެއްގެ ބަދަލު ނަގައިދޭންޖެހޭފަދަ ހާލަތެއް އަތުވެއްޖެނަމަ، އެކަން ކުރުމަށް އެކަށޭނަ މިންވަރެއްގެ ފައިސާ އާބިޓްރަލް ޓްރައިބިއުނަލުގެ ބެލުމުގެ ދަށުގައި ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރަށް އެދޭ ފަރާތުން ބެހެއްޓުމަށެވެ. ނުވަތަ އެ ފައިސާ ދައްކަންޖެހޭ ދުވަހު އެ ފައިސާ ދައްކާނެކަމުގެ ގެރެންޓީއެއް އެ ޓްރައިބިއުނަލުން ގަބޫލުކުރާ ފަރާތެއްގެ ކިބައިން ހޯދައި، ލިބިގަތުމަށެވެ.
38 ވަނަ މާއްދާ - އަންނަ ބަދަލު އެންގުން
މި ގާނޫނުގެ ދަށުން ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރެއް ނެރެފައިވަނިކޮށް، އެ އަމުރާ ގުޅިފައިވާ އެއްވެސް ކަމަކަށް، ނުވަތަ ހާލަތަކަށް، އެއްވެސް ބަދަލެއް އަތުވެއްޖެނަމަ، އެކަން، ވީ އެންމެ އަވަހަކަށް އާބިޓްރަލް ޓްރައިބިއުނަލަށް އެންގުމަށް، އެ ޓްރައިބިއުނަލަށް ކަނޑައެޅިދާނެއެވެ.
39 ވަނަ މާއްދާ - ހަރަދާއި ގެއްލުމުގެ ބަދަލު
(ހ) މި ގާނޫނުގެ ދަށުން ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރެއް ނެރެފައިވަނިކޮށް، އާބިޓްރޭށަނަށް ހުށަހެޅިފައިވާ މައްސަލަ ބެލުމުގައި، އާބިޓްރަލް ޓްރައިބިއުނަލުން ނިންމާ ނިންމުމެއްގައި، އެ ފިޔަވަޅު އެޅުމުގެ އަމުރު އެވަގުތު ނެރުމަކީ، ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫންކަމަށް އެ ޓްރައިބިއުނަލުން ކަނޑައަޅައިފި ހިނދެއްގައި، އެ އަމުރު ނެރުމާގުޅިގެން، އެ އަމުރު ނިސްބަތްވި ފަރާތުން ކުރަންޖެހުނު ހަރަދާއި އެ ފިޔަވަޅުގެ ސަބަބުން އެފަރާތަށް އެއްވެސް ގެއްލުމެއް ކުރިމަތިވިނަމަ އެ ގެއްލުމަކަށް އެކަށޭނަ ބަދަލު ދިނުމަކީ، އެ އަމުރަށް އެދުނު ފަރާތުގެ މައްޗަށް ލާޒިމުކަމެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ހަރަދާއި ގެއްލުމުގެ ބަދަލު ލިބިދޭންޖެހޭ ފަރާތަށް އެ ހަރަދާއި ގެއްލުމުގެ ބަދަލުގެ ފައިސާ ލިބިދިނުމަށް އަންގައި، އާބިޓްރޭށަނުގެ ކޮންމެ މަރުހަލާއެއްގައިވެސް، އާބިޓްރަލް ޓްރައިބިއުނަލަށް އަމުރެއް ކުރެވިދާނެއެވެ.
40 ވަނަ މާއްދާ - ކޯޓުން ބަލައިގަނެ ތަންފީޒުކުރުން
(ހ) މި ގާނޫނުގެ ދަށުން ނެރެފައިވާ ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރެއް، އާބިޓްރަލް ޓްރައިބިއުނަލުން އެހެންގޮތަކަށް ކަނޑައަޅާފައިނުވާހާ ހިނދަކު، ބަލައިގަނެ، އެ އަމުރު ތަންފީޒުކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.
(ށ) މި ގާނޫނުގެ ދަށުން ނެރެފައިވާ ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރެއް، މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކޯޓުން ބަލައިގަނެ، އެ އަމުރު ތަންފީޒުކުރުމުގެ އަމުރެއް ކޯޓުން ނެރެންވާނީ، އެކަމަށް އެދޭ ފަރާތުން، ތަންފީޒުކުރުމުގެ އަމުރަކަށް އެދި ކޯޓަށް ހުށަހެޅުމުން، ކޯޓުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހުގައެވެ.
41 ވަނަ މާއްދާ - އަމުރަށް އަންނަ ބަދަލު ކޯޓަށް އެންގުން
މި ގާނޫނުގެ ދަށުން ނެރެފައިވާ ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރެއް، ބަލައިގަނެ ތަންފީޒުކޮށްދިނުން އެދި ކޯޓަށް މި ގާނޫނުގެ 40 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ހުށަހަޅާފައިވަނިކޮށް، އެ އަމުރު އާބިޓްރަލް ޓްރައިބިއުނަލުން ބާތިލުކޮށްފިނަމަ، ނުވަތަ ހިންގުން ހުއްޓުވައިފިނަމަ، ނުވަތަ އިސްލާހުކޮށްފިނަމަ، އެކަން، އެ މައްސަލަ ކޯޓަށް ހުށަހަޅާފައިވާ ފަރާތުން ވީ އެންމެ އަވަސް ފުރުސަތެއްގައި ކޯޓަށް އަންގަންވާނެއެވެ.
42 ވަނަ މާއްދާ - ކޯޓުން ޔަގީންކަށަވަރުކަން ހޯދުން
މި ގާނޫނުގެ ދަށުން ނެރެފައިވާ ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރެއް، އާބިޓްރަލް ޓްރައިބިއުނަލުން ނެރެފައިވަނީ، ޔަގީންކަށަވަރުކަމެއް ހޯދުމަކާ ނުލައި ކަމުގައިވީނަމަވެސް، ކޯޓުން އެ އަމުރު ބަލައިގަނެ ތަންފީޒުކުރުމުގައި، ޔަގީންކަށަވަރުކަން ދިނުމަށް އެންގުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.
43 ވަނަ މާއްދާ - ބަލައިގަނެ ތަންފީޒުކުރަން ކޯޓުން އިންކާރުކުރުން
(ހ) މި ގާނޫނުގެ ދަށުން އާބިޓްރަލް ޓްރައިބިއުނަލުން ނެރެފައިވާ ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރެއް، ކޯޓުން ބަލައިގަތުމަށް ނުވަތަ ތަންފީޒުކުރުމަށް އިންކާރުކުރާނީ، އެ އަމުރު ތަންފީޒުކުރުމާ ދެކޮޅު ހަދާ ފަރާތަކުން، އަންނަނިވި ހާލަތުތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެފައިވާކަން، ކޯޓަށް ސާބިތުކޮށްދީފި ހިނދެއްގައެވެ.
- މި ގާނޫނުގެ 74 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތުންކުރެ ހާލަތެއް ވުޖޫދުގައިވާކަމާއި، އެ ހާލަތު އެގޮތަށް އޮތުމުން، އެ އަމުރު ތަންފީޒުކުރުމަކީ ބޭނުންތެރިކަމެއް ނޫންކަން؛ ނުވަތަ
- އާބިޓްރަލް ޓްރައިބިއުނަލުން ކުރި އަމުރު ކޮށްފައިވަނީ، ޔަގީންކަށަވަރުކަން ދިނުމުގެގޮތުން ކުރަންޖެހޭކަމެއް ށަރުތުކޮށްފައި ކަމުގައިވާއިރު، އެ ށަރުތު ފުރިހަމަކުރަންޖެހޭ ފަރާތުން އެ ށަރުތު ފުރިހަމަކޮށްފައި ނުވާކަން؛ ނުވަތަ
- އެ އަމުރުކުރި އާބިޓްރަލް ޓްރައިބިއުނަލުން އެ އަމުރު ބާތިލުކޮށްފައިވުން، ނުވަތަ ހިންގުން ހުއްޓުވާފައިވުން، ނުވަތަ އެކަން ކުރުމުގެ ބާރު ލިބިގެންވާ ކޯޓަކުން އެ އަމުރު ބާތިލުކޮށްފައިވުން.
(ށ) މި ގާނޫނުގެ ދަށުން އާބިޓްރަލް ޓްރައިބިއުނަލުން ނެރެފައިވާ ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރެއް، ކޯޓުން ބަލައިގަތުމަށް ނުވަތަ ތަންފީޒުކުރުމާ ދެކޮޅުހަދާ ފަރާތަކުން، މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ހާލަތުތަކުގެ ތެރެއިން ހާލަތެއް އޮތްކަން ސާބިތުކޮށް ނުދެވުނުކަމުގައި ވީނަމަވެސް، އަންނަނިވި ކަންކަމުގެ ތެރެއިން ކަމަކަށް ބިނާކޮށް، ކޯޓުގެ އަމިއްލަ އިސްނެގުމުގައިވެސް، އެ އަމުރު ބަލައިނުގަތުމަށް ނުވަތަ ތަންފީޒުކޮށް ނުދިނުމަށް ކޯޓަށް ކަނޑައެޅިދާނެއެވެ.
- ކޯޓަށް ލިބިގެންވާ ބާރުތަކުގެ ތެރެއިން އެ އަމުރު ތަންފީޒުކޮށްދިނުމަކީ، ކޯޓަށް ކުރެވޭނެ ކަމެއް ނޫންކަމުގައި ފެނުން؛ ނުވަތަ
- މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތެއްގައި، ކޯޓަށް ލިބިގެންވާ ބާރުތަކުގެ ދާއިރާގެ ތެރޭގައި އެ އަމުރު ތަންފީޒުކުރުމަށްޓަކައި އެ އަމުރަށް ގެންނަންޖެހޭ ބަދަލެއް ގެނައުމަށްފަހު އެކަންކުރުމަށް ކޯޓުން ބޭނުންނުވުން؛ ނުވަތަ
- މި ގާނޫނުގެ 74 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންވެގެންވާ ހާލަތުތަކުގެ ތެރެއިން ހާލަތެއް އެ އަމުރަށް ނިސްބަތްވާކަމަށް ކޯޓަށް ގަބޫލުކުރެވުން.
44 ވަނަ މާއްދާ - އަމުރާ ގުޅޭގޮތުން ކޯޓުން ބަލާނެ މިންވަރު
(ހ) މި ގާނޫނުގެ ދަށުން އާބިޓްރަލް ޓްރައިބިއުނަލުން ނެރެފައިވާ ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރެއް، ކޯޓުން ބަލައިގަތުމަށް ނުވަތަ ތަންފީޒުކުރުމަށް ކޯޓުން ގޮތެއް ކަނޑައެޅުމުގައި، ކޯޓުގެ ނިންމުން ބިނާވާނީ، އެ އަމުރު ބަލައިގަތުމަށް ނުވަތަ ތަންފީޒުކުރުމަށް ބޭނުންވާ ނިސްބަތަށެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓުން ބަލާ ބެލުމުގައި، އާބިޓްރަލް ޓްރައިބިއުނަލުން ނެރެފައިވާ އަމުރުގެ ސައްހަކަމުގެ މައްޗަކަށް ކޯޓުން ގޮތެއް ކަނޑައެއް ނާޅާނެއެވެ. ނުވަތަ އެ އަމުރު އެ ޓްރައިބިއުނަލުން ބިނާކޮށްފައިވާ މަސްދަރުތަކާއި ނުކުތާތަކެއް ކޯޓުން މުރާޖައާއެއް ނުކުރާނެއެވެ.
45 ވަނަ މާއްދާ - ކޯޓުން އަމިއްލަ އިސްނެގުމުގައި ވަގުތީ އަމުރެއް ނެރުން
(ހ) އާބިޓްރޭށަނުގައި ހިނގަމުންދާ މައްސަލައަކާ ގުޅޭގޮތުން، ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރު ނެރުމުގެ ބާރު އެ މައްސަލަ ބަލަމުންދާ އާބިޓްރަލް ޓްރައިބިއުނަލަށް ލިބިދޭ ހާލަތުތަކުގައި، އެ ބާރު އެ ޓްރައިބިއުނަލަށް ލިބިދެވޭ ނިސްބަތަށް، އާބިޓްރޭށަނުގައި ހިނގަމުންދާ އެ މައްސަލައާ ގުޅޭގޮތުން، ކޯޓުގެ އަމިއްލަ އިސްނެގުމުގައި، އެފަދަ އަމުރު ނެރުމުގެ ބާރު ކޯޓަށްވެސް ހަމަ އެ ނިސްބަތަށް ލިބިގެންވެއެވެ. އެއީ، އެ އާބިޓްރޭށަން ހިނގަމުންދަނީ ދިވެހިރާއްޖޭން ބޭރުގައި ކަމުގައިވީނަމަވެހެވެ.
(ށ) އާބިޓްރޭށަނުގައި ހިނގަމުންދާ މައްސަލައަކާ ގުޅޭގޮތުން، ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރު ނެރުމުގެ ބާރު ކޯޓުން ބޭނުންކުރާނީ، ބައިނަލްއަގްވާމީ އާބިޓްރޭށަނާ ގުޅޭގޮތުން އެ ކޯޓުން އަމަލުކުރުމަށް ކަނޑަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
ހަތްވަނަ ބާބު
އާބިޓްރޭށަނުގެ މަސައްކަތް ހިންގުން
46 ވަނަ މާއްދާ - ހަމަހަމަ ފުރުސަތުދިނުން
(ހ) އާބިޓްރަލް ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައްސަލައިގައި ހިމެނޭ ހަމަ ކޮންމެ ފަރާތަކާމެދުވެސް ކަންކުރަންވާނީ ހަމަހަމަ އުސޫލުން، ވަކި ފަރާތަކަށް ޖެހުމެއްނެތި، އިންސާފުވެރިކަމާއެކު ކަންކުރާނެކަމުގެ ޔަގީންކަން އެއިން ކޮންމެ ފަރާތަކަށްމެ ލިބެނިވި ގޮތުގައެވެ.
(ށ) އާބިޓްރަލް ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައްސަލައިގައި ހިމެނޭ ހަމަ ކޮންމެ ފަރާތަކަށްވެސް، އެފަރާތުގެ މައްސަލަ ހުށަހެޅުމަށް ނުވަތަ އެފަރާތުން ދައްކަން ބޭނުންވާ ވާހަކަ ދެއްކުމަށް، އެ ޓްރައިބިއުނަލުން ކަނޑައަޅާފައިވާ އިޖުރާއާތުތަކުގެ ދާއިރާގެ ތެރޭގައި ފުރިހަމަ ފުރުސަތު ލިބިދޭންވާނެއެވެ.
47 ވަނަ މާއްދާ - އާބިޓްރޭށަނުގެ ކަންތައް ކުރިއަށް ގެންދާނެ އުސޫލު ކަނޑައެޅުން
(ހ) މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އާބިޓްރަލް ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން އާބިޓްރަލް ޕްރޮސީޑިންގްސް ކުރިއަށް ގެންދާނެ ގޮތުގެ އުސޫލުތައް ކަނޑައެޅުމުގެ ބާރު އެ މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ލިބިގެންވެއެވެ.
(ށ) އާބިޓްރަލް ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައްސަލައާގުޅިގެން އާބިޓްރަލް ޕްރޮސީޑިންގްސް ކުރިއަށް ގެންދާނެ ގޮތުގެ އުސޫލު އެ މައްސަލައިގައި ހިމެނޭ ފަރާތްތަކުން ކަނޑައަޅާފައި ނުވާނަމަ، ނުވަތަ އެ އުސޫލާމެދު އެފަރާތްތަކުގެ މެދުގައި އެއްބަސްވުމަކަށް އާދެވިފައި ނުވާނަމަ، އާބިޓްރަލް ޕްރޮސީޑިންގްސް ކުރިއަށް ގެންދާނެ ގޮތް ކަނޑައެޅުމުގެ ބާރު، މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އާބިޓްރަލް ޓްރައިބިއުނަލަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އާބިޓްރަލް ޓްރައިބިއުނަލަށް ލިބިގެންވާ ބާރުގެ ތެރޭގައި، މައްސަލައިގައި ހެކީގެ ގޮތުގައި ހުށަހެޅޭނެ އެއްޗެއްސާއި، ހުށަހަޅާފައިވާ ހެކި މައްސަލައާ ގުޅުންހުރި މިންވަރާއި، އެ ހެކީގެ ބުރަދަނާ ގުޅޭގޮތުން ކަނޑައަޅާ އުސޫލުތައް ކަނޑައެޅުމުގެ ބާރުވެސް އެ ޓްރައިބިއުނަލަށް ލިބިގެންވެއެވެ.
48 ވަނަ މާއްދާ - އާބިޓްރޭށަން ކުރިއަށް ގެންދާނެ ތަން
(ހ) މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އާބިޓްރަލް ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން އާބިޓްރަލް ޕްރޮސީޑިންގްސް ކުރިއަށް ގެންދާނެ ތަން ކަނޑައެޅުމުގެ ބާރު، އެ މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ލިބިގެންވެއެވެ.
(ށ) އާބިޓްރަލް ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން އާބިޓްރަލް ޕްރޮސީޑިންގްސް ކުރިއަށް ގެންދާނެ ތަނެއް އެ މައްސަލައިގައި ހިމެނޭ ފަރާތްތަކުން މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކަނޑައަޅާފައިނުވާނަމަ، ނުވަތަ އެ ތަނަކާމެދު އެފަރާތްތަކުގެ މެދުގައި އެއްބަސްވުމަކަށް އާދެވިފައި ނުވާނަމަ، އާބިޓްރަލް ޕްރޮސީޑިންގްސް ކުރިއަށް ގެންދާނެތަން ކަނޑައެޅުމުގެ ބާރު، މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އާބިޓްރަލް ޓްރައިބިއުނަލަށް ލިބިގެންވެއެވެ.
(ނ) އާބިޓްރަލް ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން އާބިޓްރަލް ޕްރޮސީޑިންގްސް ކުރިއަށް ގެންދާނެ ތަނެއް މި މާއްދާގެ (ށ) ގެ ދަށުން، އާބިޓްރަލް ޓްރައިބިއުނަލުން ކަނޑައެޅުމުގައި، މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ފަސޭހައަށާއި، މައްސަލައިގައި ހިމެނޭ ފަރާތްތައް އެވަގުތު ތިބި ހާލަތުގެ މައްޗަށާއި، އެފަރާތްތަކުގެ މެދުގައި އުފެދިފައިވާ މައްސަލަ އޮތް ހާލަތުގެ މައްޗަށް، އާބިޓްރަލް ޓްރައިބިއުނަލުން ރިޔާއަތްކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) އެހެން އޮތްކަމުގައި ވީނަމަވެސް، މައްސަލައިގައި ހިމެނޭ ފަރާތްތަކުން އެހެންގޮތަކަށް އެއްބަސްވެފައިނުވާހާ ހިނދަކު، އާބިޓްރަލް ޓްރައިބިއުނަލުން ކަނޑައަޅާ ތަނެއްގައި އާބިޓްރަލް ޕްރޮސީޑިންގްސް ބާއްވައި، އެ ޓްރައިބިއުނަލުގައި ހިމެނޭ އާބިޓްރޭޓަރުންގެ މެދުގައި މަށްވަރާކުރުމާއި، ހެކިންގެ ހެކިބަސް ހޯދުމާއި، ހަބީރުންގެ ރައުޔު ހޯދުމާއި، މުދަލާއި ތަކެއްޗާއި ލިޔެކިޔުން ބަލައި ފާސްކުރުމުގެ ކަންކަން، އެ ޓްރައިބިއުނަލުން ކަނޑައަޅާ ކޮންމެ ތަނެއްގައިމެ ކުރިއަށް ގެންދެވިދާނެއެވެ.
49 ވަނަ މާއްދާ - އާބިޓްރޭށަން ފެށުން
މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މެދުގައި އެހެންގޮތަކަށް އެއްބަސްވެފައިނުވާހާ ހިނދަކު، އާބިޓްރޭށަން ފެށިއްޖެކަމުގައި ބަލާނީ، އެފަރާތްތަކުގެ މެދުގައި އުފެދިފައިވާ މައްސަލަ އާބިޓްރޭށަނަށް ހުށަހެޅުމަށް، އެ މައްސަލައިގައި ހިމެނޭ އެއްފަރާތުން އެ މައްސަލައިގައި ހިމެނޭ އަނެއް ފަރާތަށް ނުވަތަ ފަރާތްތަކަށް އަންގާ އެންގުން އެފަރާތަށް ނުވަތަ އެފަރާތްތަކަށް ލިބޭ ހިސާބުންނެވެ.
50 ވަނަ މާއްދާ – ބަސް
(ހ) މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އާބިޓްރަލް ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން އާބިޓްރަލް ޕްރޮސީޑިންގްސް ކުރިއަށްގެންދާނެ ބަހެއް ކަނޑައެޅުމުގެ ބާރު އެ މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ލިބިގެންވެއެވެ.
(ށ) އާބިޓްރަލް ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން އާބިޓްރަލް ޕްރޮސީޑިންގްސް ކުރިއަށް ގެންދާނެ ބަހެއް އެ މައްސަލައިގައި ހިމެނޭ ފަރާތްތަކުން މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކަނޑައަޅާފައި ނުވާނަމަ، ނުވަތަ އެ ކަމާމެދު އެފަރާތްތަކުގެ މެދުގައި އެއްބަސްވުމަކަށް އާދެވިފައިނުވާނަމަ، އާބިޓްރަލް ޕްރޮސީޑިންގްސް ކުރިއަށް ގެންދާނެ ބަހެއް ކަނޑައެޅުމުގެ ބާރު، މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އާބިޓްރަލް ޓްރައިބިއުނަލަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ނުވަތަ (ށ) ގެ ދަށުން ވަކި ބަހެއް ކަނޑައަޅައިފިނަމަ، އެ މައްސަލައިގައި ހިމެނޭ ފަރާތްތަކުން އެހެންގޮތަކަށް ކަނޑައަޅާފައިނުވާހާ ހިނދަކު، އެ ބަސް ބޭނުންކުރަންޖެހުމުގެ އުސޫލު އާބިޓްރަލް ޓްރައިބިއުނަލަށް ހުށަހަޅާ ލިޔެކިޔުމުގެ މައްޗަށާއި، އާބިޓްރަލް ޕްރޮސީޑިންގްސްގައި ދައްކާ ވާހަކައިގެ މައްޗަށާއި، އާބިޓްރަލް ޓްރައިބިއުނަލުން ފޮނުވާ ލިޔެކިޔުމުގެ މައްޗަށާއި، އާބިޓްރަލް އެވޯޑުގެ މައްޗަށް ހިނގާނެއެވެ.
(ރ) އާބިޓްރަލް ޓްރައިބިއުނަލަށް ހުށަހެޅޭ ލިޔުމެއް މި މާއްދާގެ (ހ) ގެ ދަށުން ނުވަތަ (ށ) ގެ ދަށުން ކަނޑައަޅާފައިވާ ބަހުން ނޫން ބަހަކުން އޮތްނަމަ، އެ ލިޔުމެއް އެ ބަހަށް ތަރުޖަމާކުރުމަށްފަހު ހުށަހެޅުމަށް އެންގުމުގެ ބާރު އާބިޓްރަލް ޓްރައިބިއުނަލަށް ލިބިގެންވެއެވެ.
51 ވަނަ މާއްދާ - މައްސަލައަށް ހިނގާނެ ގާނޫނު
(ހ) އާބިޓްރަލް ޕްރޮސީޑިންގްސް ކުރިއަށް ގެންދިޔުމުގައި، އާބިޓްރޭށަނަށް ހުށަހެޅިފައިވާ މައްސަލައިގެ މައްޗަށް ހިނގާނެ ގާނޫނު ކަނޑައަޅާނީ، އެ މައްސަލައިގައި ހިމެނޭ ފަރާތްތަކުންނެވެ.
(ށ) އާބިޓްރޭށަނަށް ހުށަހެޅިފައިވާ މައްސަލައިގެ މައްޗަށް ހިނގާނެ ގާނޫނު، މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މައްސަލައިގައި ހިމެނޭ ފަރާތްތަކުން ކަނޑައަޅާފައިނުވާނަމަ، މައްސަލައިގައި ހިމެނޭ ފަރާތްތަކާއި، މައްސަލައިގައި ހިމެނޭ ގައުމުތަކާއި،އެ ގައުމުތަކުގައި ހުރި ގާނޫނުތަކުގެ ތަފާތާއި، އެ ތަފާތުތަކުގެ ސަބަބުން ހިލާފު އުފެދޭ ކަންކަމުގައި ދެން އަމަލުކުރާނެ އުސޫލުތައް ކަނޑައަޅާނީ، ކަމާގުޅޭ ގާނޫނުތަކަށް ރިއާޔަތްކޮށް އާބިޓްރަލް ޓްރައިބިއުނަލުންނެވެ.
(ނ) އާބިޓްރޭށަނަށް ހުށަހެޅިފައިވާ މައްސަލައިގެ މައްޗަށް ހިނގާނެ ގާނޫނު، މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މައްސަލައިގައި ހިމެނޭ ފަރާތްތަކުން ކަނޑައަޅާފައިނުވާނަމަ، އެ މައްސަލައިގެ މައްޗަށް ހިނގާނެ ގާނޫނެއްކަމަށް ބަލާނީ، އެ މައްސަލައިގެ އޮއްޓަރާ ނުވަތަ އަސާސާ ނުވަތަ އެ މައްސަލަ ބިނާވެގެންވާ ނުކުތާތައް އެންމެ ގުޅުން ހުރި ގައުމެއްގެ ކަމާގުޅޭ ގާނޫނެވެ. ނުވަތަ ގާނޫނުތަކެވެ.
(ރ) މި މާއްދާގެ (ށ) އެހެން އޮތް ނަމަވެސް، އެއް ގައުމުގެ ގާނޫނާއި އަނެއް ގައުމުގެ ގާނޫނާ ދެމެދު ހުންނަ ތަފާތު ހައްލުކުރުމުގެ ގާނޫނީ އުސޫލުތައް، ނުވަތަ އެއް ގައުމެއްގެ ރައްޔިތެއްގެ މައްޗަށް އެހެން ގައުމެއްގެ ރައްޔިތަކު ތަބާވާންޖެހޭ ގާނޫނެއް ހިންގުމުގައި ދިމާވާ ހިލާފުތަކާގުޅޭ ގާނޫނީ އުސޫލުތައް އާބިޓްރޭށަނުގެ އެ މަރުހަލާގައި، އެ މައްސަލައިގެ މައްޗަކަށް ނުހިނގާނެއެވެ.
(ބ) އާބިޓްރޭށަނަށް ހުށަހެޅިފައިވާ މައްސަލައިގެ މައްޗަށް ހިނގާނެ ގާނޫނު، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އާބިޓްރަލް ޓްރައިބިއުނަލުން ކަނޑައަޅާނީ، އެ މައްސަލައިގައި ހިމެނޭ ފަރާތްތަކުން، އެކަން ކުރުމުގެ ބާރު، އެ ޓްރައިބިއުނަލަށް ދީފައިވާނަމައެވެ.
(ޅ) އާބިޓްރޭށަނަށް ހުށަހެޅިފައިވާ މައްސަލަ އާބިޓްރަލް ޓްރައިބިއުނަލުން ބެލުމުގައި، ހުރިހާ ހާލަތެއްގައިމެ، މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މެދުގައިވާ އެއްބަސްވުންތަކުގެ މައްޗަށް ރިއާޔަތްކުރަންވާނެއެވެ. އަދި، ދެފަރާތުގެ ދެމެދުގައި ހިނގަމުންދާ ވިޔަފާރީގެ މުއާމަލާތްތަކާގުޅޭ ބައިނަލްއަގްވާމީ އާދަކާދަތަކަށާއި އުސޫލުތަކަށްވެސް ރިއާޔަތްކުރަންވާނެއެވެ.
52 ވަނަ މާއްދާ - ދައުވާއާއި ދިފާއު
(ހ) އާބިޓްރޭށަނަށް ހުށަހެޅިފައިވާ މައްސަލައިގައި ހިމެނޭ ފަރާތްތަކުން އެއްބަސްވެފައިވާ މުއްދަތެއްގެ ތެރޭގައި، ނުވަތަ އެފަދަ އެއްބަސްވުމެއް ނެތް ހާލަތެއްގައި އާބިޓްރަލް ޓްރައިބިއުނަލުން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި، ދައުވާކުރާ ފަރާތުން ކުރާ ދައުވާއަށް ވާގިދޭ ނުކުތާތަކާއި، މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މެދުގައި ހިޔާލު ތަފާތުވެފައިވާ ނުކުތާތަކާއި، މައްސަލައިގެ އަސާސް ކަމަށް ބެލެވޭ ނުކުތާތަކާއި މައްސަލަ ހައްލުވުމަށް އެދޭ ގޮތް ބަޔާންކޮށް، އާބިޓްރަލް ޓްރައިބިއުނަލަށް ހުށަހަޅަންވާނެއެވެ.
(ށ) ދައުވާކުރާ ފަރާތުން މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ލިޔުން އާބިޓްރަލް ޓްރައިބިއުނަލަށް ލިބޭތާ ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، ދައުވާލިބޭ ފަރާތުން އޭނާގެ ދިފާއުގައި ދައްކަން ބޭނުންވާ ވާހަކަ ދައުވާކުރާ ފަރާތުން ހުށަހަޅާފައިވާ ކަންކަމަށް ވަކިވަކިން މުހާތަބުވާގޮތަށް ލިޔެ އާބިޓްރަލް ޓްރައިބިއުނަލަށް ހުށަހަޅަންވާނެއެވެ.
53 ވަނަ މާއްދާ - ހެކި ހުށަހެޅުން
މި ގާނޫނުގެ 52 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ހުށަހަޅާ ދައުވާގެ ލިޔުމާ އެކުގައި، އަދި އެ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ހުށަހަޅާ ދިފާއުގެ ލިޔުމާއެކުގައި، އެ ލިޔުމުގައިވާ ކަންކަމަށް ވާގިވެރިވާ އެހެން ލިޔެކިޔުން އާބިޓްރަލް ޓްރައިބިއުނަލަށް ހުށަހަޅަންވާނެއެވެ. އަދި، ހެކީގެ ގޮތުގައި ހުށަހަޅަން ބޭނުންވާ ލިޔުމާއި ހެކީގެ ގޮތުގައި ހުށަހަޅަން ބޭނުންވާ އެހެން އެއްޗެހީގެ ހުލާސާއެއް، އެ ލިޔުމާއެކު އާބިޓްރަލް ޓްރައިބިއުނަލަށް ހުށަހަޅަންވާނެއެވެ.
54 ވަނަ މާއްދާ - ދައުވާއަށް ނުވަތަ ދިފާއަށް އިސްލާހުގެނައުން
އާބިޓްރަލް ޓްރައިބިއުނަލުން އެހެންގޮތަކަށް ކަނޑަނާޅާހާ ހިނދަކު، ނުވަތަ އެއީ ނުކުރެވޭނެ ކަމެއްކަމަށް އެ ޓްރައިބިއުނަލުން ކަނޑަނާޅާހާ ހިނދަކު، ނުވަތަ ދެފަރާތުގެ ދެމެދުގައި އެހެންގޮތަކަށް އެއްބަސްވެފައިނުވާހާ ހިނދަކު، މި ގާނޫނުގެ 52 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ހުށަހަޅާ ދައުވާގެ ލިޔުން، ނުވަތަ އެ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ހުށަހަޅާ ދިފާއުގެ ލިޔުން އިސްލާހުކުރުމާއި، އެއަށް ބަދަލުގެނައުމާއި އުނިއިތުރު ގެނައުމުގެ ފުރުސަތު އެ ލިޔުމެއް ހުށަހެޅި ފަރާތަށް ލިބިގެންވެއެވެ.
55 ވަނަ މާއްދާ - އާބިޓްރަލް ޕްރޮސީޑިންގްސް
(ހ) އާބިޓްރޭށަނަށް ހުށަހެޅިފައިވާ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މެދުގައި އެހެންގޮތަކަށް އެއްބަސްވެފައިނުވާހާ ހިނދަކު، މައްސަލައިގައި ހިމެނޭ ފަރާތްތަކުން ހާޒިރުވެ ތިބެގެން އާބިޓްރަލް ޕްރޮސީޑިންގްސް ބޭއްވުމާއި އެފަރާތްތަކުން ހާޒިރުނުވެ އާބިޓްރަލް ޕްރޮސީޑިންގްސް ބޭއްވުމާމެދު އާބިޓްރަލް ޓްރައިބިއުނަލުން ގޮތެއް ކަނޑައަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން މައްސަލައިގައި ހިމެނޭ ފަރާތްތަކުން ހާޒިރުވެތިބެގެން އާބިޓްރަލް ޕްރޮސީޑިންގްސް ބޭއްވުމަށް ކަނޑައަޅާނަމަ، އެ ޕްރޮސީޑިންގްސްއަށް ހާޒިރުވެ ވާހަކަދެއްކުމާއި، ހެކި ހުށަހެޅުމާއި، އެއްފަރާތުން ދައްކާ ވާހަކައަށް އަނެއް ފަރާތުން ޖަވާބުދާރީވުމާއި، އެއްފަރާތުން ހުށަހަޅާ ހެއްކާ ގުޅޭގޮތުން އަނެއް ފަރާތުން ސުވާލުކުރުމާގުޅޭ އުސޫލުތަކާމެދު އާބިޓްރަލް ޓްރައިބިއުނަލުން ގޮތެއް ކަނޑައަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން މައްސަލައިގައި ހިމެނޭ ފަރާތްތަކުން ހާޒިރުނުވެ އާބިޓްރަލް ޕްރޮސީޑިންގްސް ބޭއްވުމަށް ކަނޑައަޅާނަމަ، މައްސަލައިގައި ހިމެނޭ ފަރާތްތަކުން ލިޔުމުން ހުށަހަޅާ ހެކީގެ މައްޗަށް ބިނާކޮށް އާބިޓްރޭށަން ކުރިއަށް ގެންދާނެ ގޮތެއް އާބިޓްރަލް ޓްރައިބިއުނަލުން ކަނޑައަޅަންވާނެއެވެ.
56 ވަނަ މާއްދާ - ހާޒިރުވުމުގެ ފުރުސަތު ދިނުން
މައްސަލައިގައި ހިމެނޭ ފަރާތްތަކުން އެއްބަސްވެފައިވަނީ، އެއްގޮތަކަށް ވެސް އާބިޓްރަލް ޕްރޮސީޑިންގްސް އަށް ހާޒިރުނުވެ، އާބިޓްރަލް ޕްރޮސީޑިންގްސް ކުރިޔަށްގެންދިޔުމަށް ކަމުގައި ނުވާނަމަ، އެކަމަށް އެކަށީގެންވާ މުނާސަބު ވަގުތު އައުމުން، މައްސަލައިގައި ހިމެނޭ ފަރާތްތައް އާބިޓްރަލް ޕްރޮސީޑިންގްސްއަށް ހާޒިރުވުމަށާއި، ވާހަކަ ދެއްކުމަށާއި ހެކި ހުށަހެޅުމަށާއި އެކެއްގެ ވާހަކައަށް އަނެކަކު ޖަވާބުދާރީވުމުގެ ފުރުސަތު އާބިޓްރަލް ޓްރައިބިއުނަލުން ދޭންވާނެއެވެ.
57 ވަނަ މާއްދާ - ނޯޓިސް ދިނުން
އާބިޓްރަލް ޕްރޮސީޑިންގްސް ކުރިއަށްގެންދިއުމުގައި، މައްސަލައިގައި ހިމެނޭ ފަރާތްތައް އާބިޓްރަލް ޕްރޮސީޑީންގްސްއަށް ހާޒިރުވުމަށް އަންގާނަމަ، ނުވަތަ އެއްވެސް މުދަލެއް ނުވަތަ ލިޔުމެއް ނުވަތަ އެނޫންވެސް އެއްޗެއް ބަލައި ފާސްކުރުމަށް އާބިޓްރަލް ޓްރައިބިއުނަލުން ބޭނުންވެއްޖެ ހިނދެއްގައި، ކަމާ ގުޅޭގޮތުން ދުރާލާ އެކަށީގެންވާ ނޯޓިސް އެކަމެއްގައި ހިމެނޭ ފަރާތަށް ނުވަތަ ފަރާތްތަކަށް އާބިޓްރަލް ޓްރައިބިއުނަލުން ދޭންވާނެއެވެ.
58 ވަނަ މާއްދާ - ލިޔެކިޔުން ރައްދުކުރުން
(ހ) އާބިޓްރޭށަނަށް ހުށަހެޅިފައިވާ މައްސަލައިގައި ހިމެނޭ ފަރާތަކުން އާބިޓްރަލް ޓްރައިބިއުނަލަށް ހުށަހަޅާ ލިޔުމާއި އެހެނިހެން މައުލޫމާތުގެ ނަކަލު، އެ މައްސަލައިގައި ހިމެނޭ އެހެން ފަރާތްތަކަށް އާބިޓްރަލް ޓްރައިބިއުނަލުން ރައްދުކޮށްދޭންވާނެއެވެ.
(ށ) އާބިޓްރޭށަނަށް ހުށަހެޅިފައިވާ މައްސަލައާ ގުޅޭގޮތުން ހަބީރެއްގެ ރިޕޯޓު ނުވަތަ
އެ މައްސަލައިގައި ހެއްކެއްގެ ގޮތުގައި ފުދިދާނެ އެހެންވެސް ލިޔުމެއް އާބިޓްރަލް ޓްރައިބިއުނަލަށް ލިބިއްޖެނަމަ، އަދި އާބިޓްރަލް ޓްރައިބިއުނަލުން ނިންމަންޖެހޭ ނިންމުމެއް އެފަދަ ލިޔުމެއްގެ މައްޗަށް ބިނާކޮށް ނިންމާނަމަ، އެފަދަ ލިޔުމެއްގެ ނަކަލު އެ މައްސަލައިގައި ހިމެނޭ ފަރާތްތަކަށް އާބިޓްރަލް ޓްރައިބިއުނަލުން ރައްދުކޮށްދޭންވާނެއެވެ.
59 ވަނަ މާއްދާ - އުސޫލާ ހިލާފުވުން
އާބިޓްރޭށަނަށް ހުށަހެޅިފައިވާ މައްސަލައިގައި ހިމެނޭ ފަރާތްތަކުން އެހެންގޮތަކަށް އެއްބަސްވެފައިނުވާހާ ހިނދަކު، އެކަށީގެންވާ އުޒުރެއް ނެތި، އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކޮށްފިނަމަ، އެކަންކަމާ ގުޅޭގޮތުން ތިރީގައި ބަޔާންކޮށްފައިވާ ނަތީޖާ ނުކުންނާނެއެވެ.
(ހ) ދައުވާ ހުށަހަޅާ ފަރާތުން ދައުވާ ހުށަހެޅުމަށް ދީފައިވާ ފުރުސަތުގައި، ދައުވާގެ ލިޔުން ހުށަހަޅަންޖެހޭގޮތަށް ދައުވާގެ ލިޔުން ހުށަހަޅާފައި ނުވާނަމަ، އެ ހިސާބުން އާބިޓްރޭށަނުގެ މަސައްކަތް ނިމުމަކަށް އަންނާނެއެވެ.
(ށ) ދައުވާއަށް ޖަވާބުދާރީވާ ފަރާތުން އޭނާގެ ދިފާއުގައި ދައްކަންޖެހޭ ވާހަކައިގެ ލިޔުން ހުށަހަޅަންޖެހޭ މުއްދަތުގެ ތެރޭގައި، ހުށަހަޅަންޖެހޭ ގޮތަށް ހުށަހަޅާފައި ނުވާނަމަ، އާބިޓްރަލް ޓްރައިބިއުނަލް ކުރިއަށް ގެންދާނެއެވެ. އަދި، މައްސަލަ ނިސްބަތްވާ ފަރާތުން ދިފާއުގެ ލިޔުން ހުށަހަޅާފައިނުވުން އެއީ، އޭގެ ޒާތުގައި ދައުވާ ހުށަހަޅާ ފަރާތުން ތުހުމަތުކުރާ ކަންކަމަށް އެފަރާތުން އެއްބަސްވީކަމުގައެއް ނުބެލެވޭނެއެވެ.
(ނ)ހާޒިރުވާންޖެހޭ މީހަކު ހާޒިރު ނުވެއްޖެނަމަ، ނުވަތަ ހުށަހަޅަންޖެހޭ ހެއްކެއް ހުށަހަޅާފައި ނުވާނަމަ، އާބިޓްރަލް ޓްރައިބިއުނަލަށް ލިބިފައި ހުރި ހެއްކެއްގެ މައްޗަށް ބިނާކޮށް އާބިޓްރަލް ޕްރޮސީޑިންގްސް ކުރިއަށްގެންގޮސް ނިންމައި، އެ މައްސަލައިގައި އާބިޓްރަލް ޓްރައިބިއުނަލަށް ގޮތެއް ކަނޑައެޅިދާނެއެވެ.
60 ވަނަ މާއްދާ - ހަބީރުން އައްޔަނުކުރުން
(ހ) އާބިޓްރޭށަނަށް ހުށަހެޅިފައިވާ މައްސަލައިގައި ހިމެނޭ ފަރާތްތަކުން އެހެންގޮތަކަށް އެއްބަސްވެފައިނުވާހާ ހިނދަކު، އާބިޓްރަލް ޓްރައިބިއުނަލުން ބަލައި ގޮތެއް ކަނޑައަޅަންޖެހޭ ވަކި ކަމަކާ ގުޅޭގޮތުން ފެންނަ ރައުޔެއް ދިނުމަށް، ހަބީރަކު ނުވަތަ އެއް ހަބީރަށްވުރެ ގިނަ ހަބީރުން އައްޔަނުކޮށް، ވަކި ކަމަކާބެހޭ ގޮތުން އޮތް ރައުޔެއް ވަކި މުއްދަތެއްގެ ތެރޭގައި ހުށަހެޅުމަށް، އެފަރާތަށް ނުވަތަ ފަރާތްތަކަށް އާބިޓްރަލް ޓްރައިބިއުނަލަށް އެންގިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އައްޔަނުކުރެވޭ ހަބީރަށް ނުވަތަ ހަބީރުންނަށް، ވަކި ކަހަލަ މައުލޫމާތެއް ދިނުމަށް، ނުވަތަ ވަކިކަހަލަ ލިޔުމެއް ދިނުމަށް، ނުވަތަ ވަކި ތަނަކަށް ވަނުމުގެ އިޒުނަދިނުމަށް، ނުވަތަ ވަކި ލިޔުންތަކެއް ބެލުމުގެ ފުރުސަތުދިނުމަށް، ނުވަތަ ވަކި މުދާތަކެއް ބަލައި ފާސްކުރުމުގެ ފުރުސަތު ދިނުމަށް، އާބިޓްރޭށަނަށް ހުށަހެޅިފައިވާ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ފަރާތަކަށް އާބިޓްރަލް ޓްރައިބިއުނަލަށް އެންގިދާނެއެވެ.
(ނ) އާބިޓްރޭށަނަށް ހުށަހެޅިފައިވާ މައްސަލައިގައި ހިމެނޭ ފަރާތްތަކުން އެހެންގޮތަކަށް އެއްބަސްވެފައިނުވާހާ ހިނދަކު، ނުވަތަ އެއިން ފަރާތަކުން އެދިއްޖެ ހިނދެއްގައި، ނުވަތަ އެއީ ބޭނުންތެރި ކަމެއްކަމުގައި އާބިޓްރަލް ޓްރައިބިއުނަލަށް ފެނިއްޖެ ހިނދެއްގައި، ހަބީރެއްގެ ރިޕޯޓު އާބިޓްރަލް ޓްރައިބިއުނަލަށް ހުށަހެޅުމުން، އެ ރިޕޯޓާ ގުޅޭގޮތުން އިތުރު ތަފްސީލު ދިނުމަށް ނުވަތަ މައްސަލައިގައި ހިމެނޭ ފަރާތްތަކުން އޭނާއާ ސުވާލުކުރުމަށް، އާބިޓްރަލް ޕްރޮސީޑިންގްސްއަށް ހާޒިރުވުމަށް އާބިޓްރަލް ޓްރައިބިއުނަލުން އެ ހަބީރަކަށް އެންގިދާނެއެވެ.
61 ވަނަ މާއްދާ - ހެކި ހޯދުމުގައި ކޯޓުގެ އެހީތެރިކަން ހޯދުން
އާބިޓްރޭށަނަށް ހުށަހެޅިފައިވާ މައްސަލައާގުޅޭ ވަކި ބާވަތެއްގެ ހެއްކެއް ހޯދުމުގައި އާބިޓްރަލް ޓްރައިބިއުނަލަށް ފެނިއްޖެ ހިނދެއްގައި، ސީދާ އެ ޓްރައިބިއުނަލަށް، ނުވަތަ މައްސަލައިގައި ހިމެނޭ ފަރާތަކުން ބޭނުންވެއްޖެ ހިނދެއްގައި އެ ޓްރައިބިއުނަލުގެ ހުއްދައާއެކު ސީދާ އެފަރާތަކަށް، ކަމާގުޅޭ ކޯޓުގައި އެދެވިދާނެއެވެ. އެފަދަ އެދުމެއް ކޯޓުގައި އެދިއްޖެ ހިނދެއްގައި، އެ ކޯޓުގެ އުސޫލުތައް ނިޔާކުރާ ގޮތެއްގެމަތިން، އެ ހެކި އެފަރާތަށް ނަގައިދޭންވާނެއެވެ.
އަށްވަނަ ބާބު
ނަތީޖާ ކަނޑައެޅުމާއި އާބިޓްރޭށަން ނިމުމަކަށް އައުން
62 ވަނަ މާއްދާ - އާބިޓްރަލް ޓްރައިބިއުނަލްގެ ނިންމުންތައް
(ހ) އެއް އާބިޓްރޭޓަރަށްވުރެ ގިނަ އާބިޓްރޭޓަރުން ހިމެނޭ އާބިޓްރަލް ޓްރައިބިއުނަލެއްނަމަ، އާބިޓްރޭށަނުގެ ކޮންމެ ނިންމުމެއް ނިންމަންވާނީ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މެދުގައި އެހެންގޮތަކަށް އެއްބަސްވެފައިނުވާހާ ހިނދަކު، އެ ޓްރައިބިއުނަލުގައި ހިމެނޭ އާބިޓްރޭޓަރުންގެ އަގްލަބިއްޔަތުންނެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތްކަމުގައިވީ ނަމަވެސް، އާބިޓްރޭށަން ކުރިއަށް ގެންދިޔުމުގައި ތަބާވާ އުސޫލެއް ނުވަތަ ދިމާވެފައިވާ މައްސަލައެއް ހައްލުކުރުމަށްޓަކައި އަމަލުކުރާނެ ގޮތް ކަނޑައެޅުމުގެ ބާރު އާބިޓްރަލް ޓްރައިބިއުނަލްގެ އިސް އާބިޓްރޭޓަރަށް ލިބިގެންވެއެވެ. އެއީ، އެކަމަށްޓަކައި މައްސަލައިގައި ހިމެނޭ ފަރާތްތަކުންނާއި އެ ޓްރައިބިއުނަލުގައި ހިމެނޭ އެހެން އާބިޓްރޭޓަރުން އެކަމަށް އޭނާއަށް ހުއްދަދީފައިވާނަމައެވެ.
63 ވަނަ މާއްދާ – ސުލްހަވުން
(ހ) އާބިޓްރޭށަނަށް ހުށަހެޅިފައިވާ މައްސަލައެއް އާބިޓްރަލް ޓްރައިބިއުނަލުން ބަލަމުންދަނިކޮށް، އެ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މެދުގައި ވާހަކަދެކެވިގެން ސުލްހަވެރި ހައްލެއް ހޯދިއްޖެކަމުގައިވާނަމަ، އެހާ ހިސާބުން އާބިޓްރޭށަނުގެ މަސައްކަތް ނިމުމަކަށް އަންނާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހައްލެއް ހޯދިއްޖެ ހިނދެއްގައި، މައްސަލައިގައި ހިމެނޭ ފަރާތްތަކުން އެކަމަށް އެދުމުން، އާބިޓްރަލް ޓްރައިބިއުނަލުން އެކަމަށް އިއުތިރާޒުނުކުރާނަމަ، މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މެދުގައި، އާބިޓްރޭށަނުގެ ބޭރުން، ސުލްހަވެރިކަމާއެކު ވާހަކަދައްކައިގެން ހޯދާފައިވާ ހައްލު އެއީ، އެއްބަސްވެވުނު ހައްލެއްގެ ގޮތުގައި އާބިޓްރަލް ޓްރައިބިއުނަލުން ބަލައިގަނެ، އެ ހައްލު އެއީ އާބިޓްރަލް އެވޯޑު ކަމުގައި ކަނޑައެޅިދާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން އާބިޓްރަލް ޓްރައިބިއުނަލުން ބަލައި ގަންނަ ހައްލު ފާހަގަކުރަންވާނީ، އެއްބަސްވެވުނު ހައްލުގެ ގޮތުގައެވެ.
(ރ) އެއްބަސްވެވުނު ހައްލުގެ ގޮތުގައި މި މާއްދާގެ (ށ) ގެ ދަށުން އާބިޓްރަލް ޓްރައިބިއުނަލުގެ ނިންމުމެއް ނިންމަންވާނީ، މި ގާނޫނުގެ 64 ވަނަ މާއްދާގައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ބ) އެއްބަސްވެވުނު ހައްލުގެ ގޮތުގައި މި މާއްދާގެ (ށ) ގެ ދަށުން އާބިޓްރަލް ޓްރައިބިއުނަލުން ނިންމާ ނިންމުމަކަށް، އާބިޓްރަލް އެވޯޑަކަށް މި ގާނޫނުގެ ދަށުން ލިބިދެވޭ ބާރު ލިބިދެވޭނެއެވެ.
64 ވަނަ މާއްދާ - އާބިޓްރަލް އެވޯޑު އޮންނަންވީ ގޮތް
(ހ) އާބިޓްރަލް އެވޯޑު އޮންނަންވާނީ، ލިޔުމުންނެވެ. އަދި، އާބިޓްރޭށަނަށް ހުށަހެޅި މައްސަލަ ބެލި އާބިޓްރޭޓަރު، ނުވަތަ އެއް އާބިޓްރޭޓަރަށްވުރެ ގިނަ އާބިޓްރޭޓަރުން ހިމެނޭ ޓްރައިބިއުނަލަކުން ބެލި މައްސަލައެއްނަމަ، އެ ޓްރައިބިއުނަލުގައި ހިމެނޭ އެހެން އާބިޓްރޭޓަރުން، އެ އެވޯޑުގައި، ސޮއިކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތް ނަމަވެސް، އާބިޓްރޭށަނަށް ހުށަހެޅި މައްސަލަ ބެލީ، އެއް އާބިޓްރޭޓަރަށްވުރެ ގިނަ އާބިޓްރޭޓަރުން ހިމެނޭ ޓްރައިބިއުނަލަކުން ކަމުގައިވާނަމަ، އެ ޓްރައިބިއުނަލުގައި ހިމެނޭ އާބިޓްރޭޓަރުންގެ އަގްލަބިއްޔަތަށް ނިސްބަތްވާ އާބިޓްރޭޓަރުން އާބިޓްރަލް އެވޯޑުގައި ސޮއިކުރުމުން ފުދޭނެއެވެ.
(ނ) އާބިޓްރޭށަނަށް ހުށަހެޅި މައްސަލަ ބެލީ، އެއް އާބިޓްރޭޓަރަށްވުރެ ގިނަ އާބިޓްރޭޓަރުން ހިމެނޭ ޓްރައިބިއުނަލަކުން ކަމުގައިވާނަމަ، އަދި އެ ޓްރައިބިއުނަލުގައި ހިމެނޭ އާބިޓްރޭޓަރަކު އެ ޓްރައިބިއުނަލުން ކަނޑައެޅި އާބިޓްރަލް އެވޯޑުގައި ސޮއި ނުކުރާކަމަށްވާނަމަ، އޭނާގެ ސޮއި އޭގައި ހިމެނިފައިނުވާ ސަބަބު ބަޔާންކުރުމުން ފުދޭނެއެވެ.
(ރ) މި މާއްދާގައިވާ ގޮތުގެމަތިން ކަނޑައެޅޭ އާބިޓްރަލް އެވޯޑެއްގައި، އާބިޓްރޭށަނުގެ ނިންމުމަކީ ކޮބައިކަން ކަނޑައެޅި ބަޔާންކުރެވިފައި އޮންނަންވާނެއެވެ. އަދި، އެ ނިންމުން ބިނާވެފައިވާ އަސާސްތައް ސާފުކޮށް އެނގެން އޮންނަންވާނެއެވެ. އެއީ، އެ ނިންމުން ބިނާވެފައިވާ އަސާސްތައް އާބިޓްރަލް އެވޯޑުގައި ނުހިމެނުމަށް މައްސަލައިގައި ހިމެނޭ ފަރާތްތަކުން އެއްބަސްވެފައި ނުވާނަމައެވެ. ނުވަތަ އެއީ، މި ގާނޫނުގެ 63 ވަނަ މާއްދާގެ ދަށުން، އެއްބަސްވެވުނު ހައްލުގެ ގޮތުގައި ކަނޑައެޅި އެވޯޑެއް ކަމުގައި ނުވާނަމައެވެ.
(ބ) މި މާއްދާގައިވާ ގޮތުގެމަތިން ކަނޑައެޅޭ އާބިޓްރަލް އެވޯޑެއްގައި، އެ އެވޯޑު ކަނޑައެޅި ތާރީހު ބަޔާންކުރަންވާނެއެވެ. އަދި އާބިޓްރަލް ޕްރޮސީޑިންގްސް ބޭއްވި ތަން ބަޔާންކުރަންވާނެއެވެ. އަދި އާބިޓްރޭށަނުގެ ނިންމުން ނިންމާފައިވަނީ އެތަނުގައިކަމަށް ބެލެވޭނެއެވެ.
(ޅ) މި މާއްދާގައިވާ ގޮތުގެމަތިން ކަނޑައެޅޭ އާބިޓްރަލް އެވޯޑެއް ކަނޑައެޅުމަށްފަހު، އެ އެވޯޑުގެ ކޮޕީއެއް މައްސަލައިގައި ހިމެނޭ ކޮންމެ ފަރާތަކަށްމެ، އާބިޓްރަލް ޓްރައިބިއުނަލުން ރައްދުކޮށްދޭންވާނެއެވެ.
65 ވަނަ މާއްދާ - އާބިޓްރޭށަން ނިމުމަކަށް އައުން
(ހ) އާބިޓްރޭށަން ނިމުމަކަށް އަންނާނީ، ދެ ހާލަތެއްގައެވެ. އެއީ، އެ ޓްރައިބިއުނަލުން އާބިޓްރަލް އެވޯޑެއް ކަނޑައެޅުމުން، ނުވަތަ މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަނޑައެޅުމެއް އެ ޓްރައިބިއުނަލުން ކަނޑައެޅުމުންނެވެ.
(ށ) އަންނަނިވި ހާލަތުތަކުގެ ތެރެއިން ހާލަތެއް ދިމާވެއްޖެނަމަ، އާބިޓްރޭށަން އެ ހިސާބުން ނިމުނީކަމަށް އާބިޓްރަލް ޓްރައިބިއުނަލުން ކަނޑައަޅަންވާނެއެވެ.
- ދައުވާ ހުށަހެޅި ފަރާތުން ދައުވާ އަނބުރާ ގެންދިޔުމުން އެކަމަށް ދައުވާލިބޭ ފަރާތުން އިއުތިރާޒުނުކުރުން؛
- މައްސަލައިގައި ހިމެނޭ ފަރާތްތަކުން އާބިޓްރޭށަން ނިމުމަކަށް ގެނައުމަށް އެއްބަސްވުން؛
- އާބިޓްރޭށަން އެގޮތުގައި ކުރިއަށް ގެންދިޔުމަކީ ބޭނުން ނެތް ކަމެއް ކަމަށް ނުވަތަ ކުރެވެން ނެތް ކަމެއް ކަމަށް އާބިޓްރަލް ޓްރައިބިއުނަލަށް ފެނުން.
(ނ) މި މާއްދާގެ (ށ) ގެ 1 ގައިވާ ގޮތާ ހިލާފަށް ދައުވާ ހުށަހެޅިފަރާތުން ދައުވާ އަނބުރާ ގެންދިއުމަށް ދައުވާ ލިބޭ ފަރާތުން އިއުތިރާޒުކުރާނަމަ، ދައުވާލިބޭ ފަރާތުގެ މަސްލަހަތުތައް އެންމެ ރަނގަޅަށް ހިމާޔަތްކޮށްދެވޭނީ މައްސަލަ ވަކި ގޮތަކަށް ނިންމައިގެން ކަމުގައި އާބިޓްރަލް ޓްރައިބިއުނަލަށް ގަބޫލުކުރެވޭނަމަ، އެ ޓްރައިބިއުނަލުގެ މަސައްކަތް ނުނިންމައި ކުރިއަށް ގެންދެވިދާނެއެވެ.
(ރ) އާބިޓްރޭށަން ނިމުމަކަށް އައުމުން، އާބިޓްރަލް ޓްރައިބިއުނަލަށް ދީފައިވާ ބާރުތައްވެސް ނިމުމަކަށް އަންނާނެއެވެ. އެއީ، މި ގާނޫނުގެ 66 ވަނަ މާއްދާއާއި 67 ވަނަ މާއްދާއާ ފުށުނާރާނެ ގޮތުގެމަތިންނެވެ.
66 ވަނަ މާއްދާ - އެވޯޑު އިސްލާހުކުރުން
(ހ) އާބިޓްރަލް ޓްރައިބިއުނަލުން އާބިޓްރަލް އެވޯޑެއް ކަނޑައަޅާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެ މައްސަލައިގައި ހިމެނޭ ފަރާތަކުން، އެކަން އެ މައްސަލައިގައި ހިމެނޭ އެހެން ފަރާތްތަކަށްވެސް އެންގުމާއެކު، އާބިޓްރަލް އެވޯޑުގައި ހިމެނޭ އިދާރީ ކުށެއް ނުވަތަ ލިޔުމުގެ ކުށެއް ނުވަތަ އެނޫންވެސް ކުށެއް އިސްލާހުކޮށްދިނުމަށް އާބިޓްރަލް ޓްރައިބިއުނަލުގައި އެދެވިދާނެއެވެ. ނުވަތަ އާބިޓްރަލް އެވޯޑުގައި ހިމެނޭ ވަކި މާއްދާއެއް ނުވަތަ ނުކުތާއަކަށް މާނަކުރުމެއް ދިނުމަށް އާބިޓްރަލް ޓްރައިބިއުނަލުގައި އެދެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ ހުށަހެޅުމެއް ލިބިއްޖެ ހިނދެއްގައި، އެއީ ކޮށްދިނުން އެންމެ ރަނގަޅު ކަމެއް ކަމުގައި އާބިޓްރަލް ޓްރައިބިއުނަލަށް ފެނިއްޖެނަމަ، އެ ހުށަހެޅުން ހުށަހަޅާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ ހުށަހެޅުމަކާ އެއްގޮތަށް އާބިޓްރަލް ޓްރައިބިއުނަލުން އަމަލުކޮށްދޭންވާނެއެވެ.
(ނ) އާބިޓްރަލް އެވޯޑަކަށް އެއްވެސް އިސްލާހެއް ގެނެސްފިކަމަށްވާނަމަ، އެ ވާނީ އެންމެފަހުގެ އެވޯޑަށެވެ. އަދި އެއްވެސް ކަހަލަ މާނަކުރުމެއް އާބިޓްރަލް އެވޯޑަކަށް ދީފިކަމަށްވާނަމަ، އެ މާނަކުރުމެއް ހިމެނޭނީ އެ އެވޯޑުގެ ބައެއްގެ ގޮތުގައެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިދާރީ ކުށެއް ނުވަތަ ލިޔުމުގެ ކުށެއް ނުވަތަ އެނޫންވެސް ކުށެއް އާބިޓްރަލް އެވޯޑެއްގައި އޮތްކަމަށް އާބިޓްރަލް ޓްރައިބިއުނަލަށް ފާހަގަކުރެވިއްޖެނަމަ، އެހެން ފަރާތެއްގެ ހުށަހެޅުމެއްނެތިވެސް، އެ އެވޯޑުގެ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކުށެއް އިސްލާހުކުރުމުގެ ބާރު އާބިޓްރަލް ޓްރައިބިއުނަލަށް ލިބިގެންވެއެވެ.
67 ވަނަ މާއްދާ - އިތުރު އެވޯޑެއް ކަނޑައެޅުން
(ހ) އާބިޓްރޭށަން ހިނގަމުންދިޔައިރު ހުށަހެޅިފައިވާ ކަމަކާ ބެހޭގޮތުން އާބިޓްރަލް އެވޯޑުގައި ގޮތެއް ކަނޑައަޅާފައިނުވާނަމަ، އާބިޓްރޭށަނަށް ހުށަހެޅި މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މެދުގައި އެހެންގޮތަކަށް އެއްބަސްވެފައިނުވާނަމަ، އެ އެވޯޑު ކަނޑައެޅި ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެ އެވޯޑުގައި ނުހިމެނި އޮތް ކަންތަކާ ގުޅޭގޮތުން ގޮތެއް ކަނޑައަޅައިދިނުމަށް އެދި، އިތުރު އެވޯޑަކަށް، އާބިޓްރަލް ޓްރައިބިއުނަލުގައި، އެ މައްސަލައިގައި ހިމެނޭ ފަރާތަކަށް އެދެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުށަހެޅުމެއް އާބިޓްރަލް ޓްރައިބިއުނަލަށް ލިބިއްޖެނަމަ، އެކަމާ ގުޅޭގޮތުން، އެވޯޑެއް ކަނޑައެޅުމާ ހަމައަށް، އެ ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައްސަލަ، އެ ޓްރައިބިއުނަލުގައި އޮތީކަމުގައި ބެލެވޭނެއެވެ.
ނުވަވަނަ ބާބު
ބާތިލުކުރުމަށް ކޯޓަށް ހުށަހެޅުން
68 ވަނަ މާއްދާ - މައްސަލަ ކޯޓަށް ހުށަހެޅުން
އާބިޓްރަލް އެވޯޑެއް ބާތިލުކުރުމަށް އެދި، އެ އެވޯޑު ކަނޑައެޅި އާބިޓްރަލް ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ފަރާތަކަށް ކޯޓަށް ހުށަހެޅިދާނެއެވެ.
69 ވަނަ މާއްދާ - އާބިޓްރަލް އެވޯޑެއް ބާތިލުކުރުން
މި ގާނޫނުގެ 68 ވަނަ މާއްދާގައިވާ ގޮތުގެމަތިން ހުށަހެޅޭ މައްސަލައެއްގައި، އާބިޓްރަލް އެވޯޑެއް ކޯޓުން ބާތިލުކުރާނީ، އަންނަނިވި ދެ ހާލަތުގެ ތެރެއިން ހާލަތެއްގައެވެ.
(ހ) އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް، މައްސަލަ ހުށަހަޅާ ފަރާތުން، ކޯޓުގައި ސާބިތުކޮށްދިނުން.
- އާބިޓްރޭށަނުގެ އެއްބަސްވުމުގެ ބައިވެރިންގެ ތެރެއިން އެކަކު ހުރީ، އެ އާބިޓްރޭށަނުގެ އެއްބަސްވުމުގައި ބައިވެރިވުމަށް ގާނޫނު ހުއްދަނުކުރާ ހާލަތުތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެފައިކަން؛ ނުވަތަ
- އާބިޓްރޭށަނުގެ އެއްބަސްވުމުގެ ބައިވެރިންގެ ތެރެއިން އެކަކު ހުރީ ގާނޫނީ ގޮތުން ނުކުޅެދުންތެރި ކަމެއްގައިކަން؛
- އާބިޓްރޭށަނުގެ އެއްބަސްވުމުގެ މައްޗަށް ހިނގާނެ ކަމަކަށް ކަނޑައަޅާފައިވާ ދިވެހިރާއްޖޭގެ ގާނޫނަކާ އެ އެއްބަސްވުން ހިލާފުވާކަން؛
- އާބިޓްރޭޓަރު އައްޔަނުކުރުމާ ގުޅޭގޮތުން އެކަށީގެންވާ ނޯޓިސް އާބިޓްރޭޓަރު އައްޔަނުކުރި ފަރާތުން ދީފައިނުވާކަން؛ ނުވަތަ
- އާބިޓްރަލް ޕްރޮސީޑިންގްސް ހިނގަމުންދިޔައިރު، އޭނާގެ މައްސަލަ ހުށަހެޅުމަށް ނުވަތަ އެ މައްސަލައިގައި ވާހަކަ ދެއްކުމަށް، އެކަށީގެންވާ ފުރުސަތު އޭނާއަށް ދީފައިނުވާކަން؛ ނުވަތަ
- އާބިޓްރޭށަނަށް ހުށަހެޅި ކަމެއްގެ މައްޗަށް ބިނާވެފައިވާ ނިންމުމަކަށް އާބިޓްރަލް އެވޯޑު ނުވާކަން؛ ނުވަތަ
- އާބިޓްރަލް އެވޯޑުގައި ހިމެނޭ ކަމަކީ، އާބިޓްރޭށަނަށް ހުށަހެޅި ކަންތަކުގެ ދާއިރާއިން ބޭރު ކަމެއްކަން؛ ނުވަތަ
- މައްސަލައިގައި ހިމެނޭ ފަރާތްތަކުން އެއްބަސްވެފައިވާ ގޮތުގެމަތިން އެކުލަވާލެވިފައިވާ ނުވަތަ ހިންގިފައިވާ އާބިޓްރޭށަނަކަށް، އެ އާބިޓްރޭށަން ނުވާކަން، ނުވަތަ އެ ޓްރައިބިއުނަލަކީ، އެފަދައިން އެކުލަވާލެވިފައިވާ ނުވަތަ ހިންގިފައިވާ ޓްރައިބިއުނަލަކަށް ނުވުން.
- އެ މައްސަލަ ބެލުމުގައި އާބިޓްރޭޓަރުގެ ފަރާތުން މަކަރާއި ހީލަތް ހެދުމުގެ ކުށް ނުވަތަ ކޮރަޕްށަނުގެ ކުށް ސާބިތުވެފައިވުން.
(ށ) އެހެން ފަރާތެއްގެ ހުށަހެޅުމަކާ ނުލައިވެސް، އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކޯޓަށް ގަބޫލުކުރެވުން.
- ދިވެހިރާއްޖޭގެ ގާނޫނެއް ނިޔާކުރާ ގޮތުން އެ މައްސަލައަކީ އާބިޓްރޭށަނުން ނިންމެން އޮތް މައްސަލައެއް ނޫންކަން؛ ނުވަތަ
- އާބިޓްރޭށަނުން ނިންމި ނިންމުމަކީ، ދިވެހި ދައުލަތުގެ އާންމު ސިޔާސަތަކާ ހިލާފު ނިންމުމެއްކަން.
70 ވަނަ މާއްދާ - އާބިޓްރަލް އެވޯޑެއް ބާތިލުކުރަން ހުށަހެޅޭނެ މުއްދަތު
(ހ) އާބިޓްރަލް އެވޯޑެއް ބާތިލު ކުރުމަށް އެދި ކޯޓަށް ހުށަހެޅޭނީ އެ އެވޯޑުގެ ތާރީހުން ފެށިގެން 3 (ތިނެއް) މަސް ދުވަސް ހަމަވުމުގެ ކުރިންނެވެ. އެ މުއްދަތު ހަމަވުމަށްފަހު، އެ އެވޯޑު ބާތިލުކުރުމަށް ކޯޓަށް ހުށައެއްނޭޅޭނެއެވެ.
(ށ) ކޯޓަށް ހުށަހަޅާ މައްސަލައަކީ، މި ގާނޫނުގެ 65 ވަނަ މާއްދާގެ ދަށުން ނިންމާފައިވާ ނިންމުމެއް ބާތިލުކުރުމަށް ހުށަހަޅާ މައްސަލައެއް ކަމުގައިވާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 3 (ތިނެއް) މަސް ދުވަސް ގުނަންފަށާނީ، އެ މާއްދާގެ ދަށުން އެ ނިންމުން ނިންމި ތާރީހުން ފެށިގެންނެވެ.
71 ވަނަ މާއްދާ - އެވޯޑު އިސްލާހުކުރުމަށް ވަގުތު ދިނުން
(ހ) މި ގާނޫނުގެ 68 ވަނަ މާއްދާގެ ދަށުން އާބިޓްރަލް އެވޯޑެއް ބާތިލުކޮށްދިނުމަށް އެދި ކޯޓަށް ހުށަހަޅާފައިވަނިކޮށް، އެ އެވޯޑު އިސްލާހުކުރުމަށްޓަކައި، ނުވަތަ އެއީ ކޯޓުން ބާތިލުކުރަން ނުޖެހޭނެ ނިންމުމަކަށް ހެދުމަށްޓަކައި އެ އެވޯޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި، މައްސަލަ އަނބުރާ އާބިޓްރަލް ޓްރައިބިއުނަލަށް ފޮނުވުމަށް އެކަށީގެންވާ ވަގުތު ދިނުމަށް އެދި، އެ އެވޯޑު ނިސްބަތްވާ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން، ކޯޓަށް މައްސަލަ ހުށަހެޅި ފަރާތް ނޫން އެހެން ފަރާތަކަށް ކޯޓުގައި އެދެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ކޯޓުގައި އެދެފިނަމަ، އެ ފުރުސަތު ދިނުމުގެގޮތުން، ކޯޓުގައި އޮތް، އާބިޓްރަލް އެވޯޑު ބާތިލުކުރުމުގެ މައްސަލަ، ކޯޓުން ކަނޑައަޅާ މުއްދަތަކަށް، ހިންގުން ހުއްޓާލެވިދާނެއެވެ.
ދިހަވަނަ ބާބު
ދިވެހިރާއްޖޭން ބޭރުގެ އެވޯޑު ބަލައިގަތުމާއި ތަންފީޒުކޮށްދިނުން
72 ވަނަ މާއްދާ - ބަލައިގަތުމާއި ތަންފީޒުކުރުން
ދިވެހިރާއްޖެ ނޫން އެހެން ގައުމެއްގައި ހިންގާފައިވާ އާބިޓްރޭށަނަކަށްފަހު ކަނޑައަޅާފައިވާ އާބިޓްރަލް އެވޯޑެއް، މި ގާނޫނުގައި ބަޔާންވެގެންވާ އުސޫލުތަކާ ހިލާފުނުވާހާ ހިނދަކު، އެއީ، ދިވެހިރާއްޖޭގައި ބަލައިގަންނާނެ އަދި ތަންފީޒުކުރެވޭނެ ނިންމުމަކަށްވާނެއެވެ. އަދި ދިވެހިރާއްޖޭގައި އަމަލުކުރުން ލާޒިމު ނިންމުމަކަށްވާނެއެވެ.
73 ވަަނަ މާއްދާ - ކޯޓަށް ހުށަހެޅުން
(ހ) ދިވެހިރާއްޖޭން ބޭރުގައި ހިންގާފައިވާ އާބިޓްރޭށަނެއްގައި ކަނޑައަޅާފައިވާ އާބިޓްރަލް އެވޯޑެއް ދިވެހިރާއްޖޭގައި ތަންފީޒުކުރަން ބޭނުންކަމަށްވާނަމަ، އެ މައްސަލަ ހުށަހަޅަންޖެހޭނީ ދިވެހިރާއްޖޭގެ ކަމާބެހޭ ކޯޓަށެވެ. ދިވެހިރާއްޖޭގައި އެ ނިންމުން ތަންފީޒުކޮށްދޭނީ، އެ ކޯޓުން ކުރާ އަމުރަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަމުރަކަށް އެދި ކޯޓަށް ހުށަހަޅާނީ، އާބިޓްރަލް އެވޯޑަކަށް ބަރޯސާވާ ފަރާތުން ނުވަތަ އެ އެވޯޑެއް ތަންފީޒުކުރަން ބޭނުންވާ ފަރާތުންނެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅުމެއް ހުށަހަޅާއިރު، އެ ހުށަހެޅުމާއެކު، އާބިޓްރަލް އެވޯޑުގެ އަސްލު ނުވަތަ އެ އެވޯޑުގެ ސައްހަކަން ކަށަވަރުކޮށްދީފައިވާ ކޮޕީއެއް ކޯޓަށް ހުށަހަޅަންވާނެއެވެ.
(ރ) އާބިޓްރަލް އެވޯޑެއް ކަނޑައަޅާފައިވަނީ، ދިވެހިބަހުން ނޫންކަމުގައިވާނަމަ، ކޯޓަށް އެ މައްސަލަ ހުށަހަޅާއިރު، އެ ނިންމުމުގެ ތަރުޖަމާއެއް ދިވެހިބަހުން ހުށަހަޅަންވާނެއެވެ.
74 ވަނަ މާއްދާ - ބަލައިގަތުން ނުވަތަ ތަންފީޒުކުރުން މަނާވެގެންވާ ސަބަބު
(ހ) ދިވެހިރާއްޖެ ނޫން އެހެން ގައުމެއްގައި ހިންގާފައިވާ އާބިޓްރޭށަނަކަށްފަހު ކަނޑައަޅާފައިވާ އާބިޓްރަލް އެވޯޑެއް، ދިވެހިރާއްޖޭގައި ބަލައިނުގަންނާނީ، ނުވަތަ ތަންފީޒުނުކުރާނީ އަންނަނިވި ހާލަތުތަކުގެ ތެރެއިން ހާލަތެއް ކުރިމަތިވެފައިވާ ކަމަށް، ކޯޓުން ކަނޑައަޅައި، އެ އެވޯޑު ދިވެހިރާއްޖޭގައި ބަލައިގަނެވެން ނެތްކަމަށް ނުވަތަ ތަންފީޒުކުރެވެން ނެތްކަމަށް، ކޯޓުން ކަނޑައެޅުމުންނެވެ.
- އެ އެވޯޑާއެއްގޮތަށް އަމަލުކުރުން ލާޒިމުވެފައިވާ ފަރާތުން، އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކޯޓަށް ކަށަވަރުކޮށްދިނުން.
(ހހ) އާބިޓްރޭށަނުގެ އެއްބަސްވުމުގެ ބައިވެރިންގެ ތެރެއިން އެކަކު ހުރީ، އެ އާބިޓްރޭށަނުގެ އެއްބަސްވުމުގައި ބައިވެރިވުމަށް ގާނޫނު ހުއްދަނުކުރާ ހާލަތުތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެފައިކަން؛ ނުވަތަ
(ށށ) އާބިޓްރޭށަނުގެ އެއްބަސްވުމުގެ ބައިވެރިންގެ ތެރެއިން އެކަކު ހުރީ ގާނޫނީ ގޮތުން ނުކުޅެދުންތެރި ކަމެއްގައިކަން؛ ނުވަތަ
(ނނ) އާބިޓްރޭށަނުގެ އެއްބަސްވުމުގެ މައްޗަށް ހިނގާނެކަމަކަށް ކަނޑައަޅާފައިވާ ދިވެހިރާއްޖޭގެ ގާނޫނަކާ އެ އެއްބަސްވުން ހިލާފުވާކަން؛ ނުވަތަ
(ރރ) އާބިޓްރޭޓަރު އައްޔަނުކުރުމާ ގުޅޭގޮތުން އެކަށީގެންވާ ނޯޓިސް އާބިޓްރޭޓަރު އައްޔަނުކުރި ފަރާތުން ދީފައިނުވާކަން؛ ނުވަތަ
(ބބ) އާބިޓްރަލް ޕްރޮސީޑިންގްސް ހިނގަމުންދިޔައިރު، އޭނާގެ މައްސަލަ ހުށަހެޅުމަށް ނުވަތަ އެ މައްސަލައިގައި ވާހަކަ ދެއްކުމަށް އެކަށީގެންވާ ފުރުސަތު އޭނާއަށް ދީފައިނުވާކަން؛ ނުވަތަ
(ޅޅ) އާބިޓްރޭށަނަށް ހުށަހެޅި ކަމެއްގެ މައްޗަށް ބިނާވެފައިވާ ނިންމުމަކަށް އާބިޓްރަލް އެވޯޑު ނުވާކަން؛ ނުވަތަ
(ކކ) އާބިޓްރަލް އެވޯޑުގައި ހިމެނޭ ކަމަކީ، އާބިޓްރޭށަނަށް ހުށަހެޅި ކަންތަކުގެ ދާއިރާއިން ބޭރު ކަމެއްކަން؛ ނުވަތަ
(އއ) މައްސަލައިގައި ހިމެނޭ ފަރާތްތަކުން އެއްބަސްވެފައިވާ ގޮތުގެމަތިން އެކުލަވާލެވިފައިވާ ނުވަތަ ހިންގިފައިވާ އާބިޓްރޭށަނަކަށް އެ އާބިޓްރޭށަން ނުވާކަން؛ ނުވަތަ އެ ޓްރައިބިއުނަލަކީ، އެފަދައިން އެކުލަވާލެވިފައިވާ ނުވަތަ ހިންގިފައިވާ ޓްރައިބިއުނަލަކަށް ނުވާކަން؛ ނުވަތަ
(ވވ) އެ މައްސަލަ ބެލުމުގައި އާބިޓްރޭޓަރުގެ ފަރާތުން މަކަރާއި ހީލަތް ހެދުމުގެ ކުށް ނުވަތަ ކޮރަޕްށަނުގެ ކުށް ސާބިތުވެފައިވުން. - އެހެން ފަރާތެއްގެ ހުށަހެޅުމަކާ ނުލައިވެސް، އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކޯޓަށް ގަބޫލުކުރެވުން.
(ހހ) ދިވެހިރާއްޖޭގެ ގާނޫނެއް ނިޔާކުރާގޮތުން އެ މައްސަލައަކީ އާބިޓްރޭށަނުން ނިންމެން އޮތް މައްސަލައެއް ނޫންކަން؛ ނުވަތަ
(ށށ) އާބިޓްރޭށަނުން ނިންމި ނިންމުމަކީ، ދިވެހި ދައުލަތުގެ އާންމު ސިޔާސަތަކާ ހިލާފު ނިންމުމެއްކަން.
(ށ) މި ގާނޫނުގެ 72 ވަނަ މާއްދާގެ ދަށުން ބަލައިގަތުން އެދި ނުވަތަ ތަންފީޒުކޮށްދިނުން އެދި ހުށަހަޅާފައިވާ އާބިޓްރަލް އެވޯޑެއް، ބާތިލުކޮށްދިނުން އެދި ހުށަހަޅާފައިވާ މައްސަލައެއް އެއްވެސް ކޯޓެއްގައި އޮތްނަމަ، އެ މައްސަލައާމެދު ގޮތެއް ނިމެންދެން، އެ އެވޯޑު ބަލައިގަތުމަށް އެދި ނުވަތަ ތަންފީޒުކޮށްދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ނުގެން ގޮސް ހިފެހެއްޓުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.
އެގާރަވަނަ ބާބު
އާބިޓްރޭށަން ސެންޓަރު ގާއިމުކުރުން
75 ވަނަ މާއްދާ - އާބިޓްރޭށަން ސެންޓަރު އުފެއްދުން
(ހ) މި ގާނޫނުގެ ބޭނުމަށްޓަކައި، އަދި މި ގާނޫނުން ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި، "މޯލްޑިވްސް އިންޓަރނޭށަނަލް އާބިޓްރޭށަން ސެންޓަރު" ގެ ނަމުގައި އާބިޓްރޭށަން ސެންޓަރެއް މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، އުފެދުނީއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އުފެދޭ އާބިޓްރޭށަން ސެންޓަރަކީ، އަމިއްލަ ނަމުގައި ދައުވާކުރުމާއި، ދައުވާ ލިބިގަތުމުގެ ބާރުލިބިގެންވާ، އަމިއްލަ ނަމުގައި މުއާމަލާތްކުރުމުގެ ހައިސިއްޔަތު އޮތް، އަމިއްލަ ނަމުގައި މުދާ ހޯދައި ލިބިގަތުމުގެ ހައްގު ލިބިގެންވާ، އަދި މި ގާނޫނުގެ ދަށުން ހަވާލުކުރެވޭ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ނުވަތަ ވާގިވެރިވާ ކަންކަން ކުރުމުގެ ބާރު ލިބިގެންވާ، ވަކި ގާނޫނީ ށަހްސެކެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން އުފެދޭ އާބިޓްރޭށަން ސެންޓަރު ގާއިމުކޮށް، އެ ސެންޓަރުގެ މަސައްކަތް މި ގާނޫނުގައިވާ ގޮތުގެމަތިން، ފަށައިގަތުމާ ހަމައަށް، ކުރަންޖެހޭ އެންމެހައި ކަންކަން ކުރާނީ އެޓަރނީ ޖެނެރަލެވެ.
(ރ) މި މާއްދާގެ (ނ) ގެ ދަށުން އެޓަރނީ ޖެނެރަލްއާ ހަވާލުވެގެންވާ މަސްއޫލިއްޔަތުތައް، މި ގާނޫނަށް އަމަލުކުރަންފަށާ ތާރީހުން ފެށިގެން، ގިނަވެގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އަދާކޮށް ނިންމަންވާނެއެވެ.
76 ވަނަ މާއްދާ - އާބިޓްރޭށަން ސެންޓަރު ހިނގާނެ ގޮތް
(ހ) އާބިޓްރޭށަން ސެންޓަރުގެ އާންމު ސިޔާސަތުތައް ކަނޑައަޅައި، އެ ސެންޓަރު ހިންގުމަށްޓަކައި، 3 (ތިނެއް) މެންބަރުންގެ މައްޗަށް އެކުލެވޭ ޑިރެކްޓަރުންގެ ބޯޑެއް އޮންނަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޑިރެކްޓަރުންގެ ބޯޑު އެކުލަވާލައި އެ ބޯޑަށް މެންބަރުން އައްޔަނުކުރާނީ، އެޓަރނީ ޖެނެރަލްގެ ހުށަހެޅުމެއްގެ މައްޗަށް، ރައީސުލްޖުމްހޫރިއްޔާއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކުރާ މެންބަރަކު އެ މަގާމުން ވަކިކުރާނީ، އަންނަނިވި ހާލަތުތަކުގެ ތެރެއިން ހާލަތެއް ވުޖޫދުގައިވާކަމަށް ފެނިގެން އެޓަރނީ ޖެނެރަލް ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް، ރައީސުލްޖުމްހޫރިއްޔާއެވެ.
- ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއްގައި ހުންނަންވާނެ ކަމަށް މި ގާނޫނުގައި ބަޔާންކުރާ ށަރުތެއް އުނިވުން؛
- މަގާމާ އެކަށީގެންނުވާފަދަ
- މަގާމު އަދާކުރުމަށް އުޒުރުވެރިވާފަދަ ހާލަތެއް މެދުވެރިވުން؛
- މަގާމު އަދާކުރުމުގެ ގާބިލުކަން ނެތުން.
(ރ) ބޯޑުގެ މެންބަރަކު، މެންބަރުކަމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ލިޔުމުން ހުށަހަޅައި، އިސްތިއުފާގެ ލިޔުން ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން، އެ މެންބަރަކު މެންބަރުކަމުން ވަކިވީއެވެ.
77 ވަނަ މާއްދާ - ބޯޑުގެ މެންބަރުން
(ހ) މި ގާނޫނުގެ 76 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކުރާ މެންބަރުގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.
- އުމުރުން ތިރީސް އަހަރު ފުރިފައިވުން؛
- ހިޔާނާތުގެ ކުށް ނުވަތަ މަކަރާއި ހީލަތުގެ ކުށް ނުވަތަ ކޮރަޕްށަންގެ ކުށް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން؛
- ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައިވާނަމަ، އެ ކުށުގެ އަދަބު ތަންފީޒުކޮށް ނިމުނު ފަހުން ނުވަތަ އެ ކުށުގެ އަދަބު މައާފުކޮށްދިން ފަހުން 5 (ފަހެއް) އަހަރު ވެފައިވުން؛
- އޭނާގެ މާލީ މަސްލަހަތުތައް ހުރިގޮތުން ނުވަތަ އެނޫންވެސް މަސްލަހަތުތައް ހުރިގޮތުން ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަން ކުރުމަށް ހުރަހެއް އޮތް މީހަކު ކަމުގައިނުވުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކުރާ މެންބަރުންނަކީ، އެ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ މީހުންގެ އިތުރަށް، އެމީހުންގެ ވޭތުވެދިޔަ 10 (ދިހައެއް) އަހަރު ދުވަހުގެ ހިދުމަތަށް ބަލާއިރު، އާބިޓްރޭށަން ސެންޓަރުގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނުމަށް ބޭނުންވާ އިލްމާއި ތަޖުރިބާއާއި ހުނަރު ހުރި ބައެއްކަން އެޓަރނީ ޖެނެރަލް ކަށަވަރުކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކުރާ މެންބަރުން، އެ މަގާމަށް އައްޔަނުކުރާނީ، 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި އެ މުއްދަތު ހަމަވުމުން 5 (ފަހެއް) އަހަރު ދުވަހުގެ އިތުރު މުއްދަތަކަށް އައްޔަނުކުރުމަކަށް ހުރަހެއް ނެތެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކުރާ މެންބަރުންނަށް ބޯޑު ބައްދަލުވާ ކޮންމެ ޖަލްސާއަކަށް، އެޓަރނީ ޖެނެރަލްގެ މަށްވަރާގެ މަތިން، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޒަރީ ކަނޑައަޅާ އިނާޔަތެއް ދޭންވާނެއެވެ.
78 ބޯޑުގެ ޗެއަރމަންއާއި ވައިސް ޗެއަރމަން
(ހ) މި ގާނޫނުގެ 76 ވަނަ މާއްދާގެ ދަށުން އައްޔަނުކުރާ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މެންބަރުންގެ ތެރެއިން، އެއް މެންބަރަކު އެ ބޯޑުގެ ޗެއަރމަން ކަމުގައި އަދި އެހެން މެންބަރަކު އެ ބޯޑުގެ ވައިސް ޗެއަރމަންކަމުގައި، އެޓަރނީ ޖެނެރަލްގެ ހުށަހެޅުމެއްގެ މައްޗަށް، ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރަންވާނެއެވެ.
(ށ) ބޯޑުގެ ޗެއަރމަނަކީ، އާބިޓްރޭށަން ސެންޓަރުގެ އެންމެ އިސް ވެރިޔާއެވެ. އަދި ވައިސް ޗެއަރމަނަކީ، ބޯޑުގެ ޗެއަރމަނަށް އެހީތެރިވެދިނުމަށްޓަކައި ހުންނަ އާބިޓްރޭށަން ސެންޓަރުގެ ދެވަނައަށް އެންމެ އިސް ވެރިޔާއެވެ.
(ނ) ބޯޑުގެ ޗެއަރމަނާއި، ވައިސް ޗެއަރމަން އެ މަގާމުގައި ތިބޭނީ، ޑިރެކްޓަރުންގެ ބޯޑުގައި އެމީހުން ހިމެނޭ މުއްދަތަށެވެ.
(ރ) ބޯޑުގެ ޗެއަރމަން ނުވަތަ ވައިސް ޗެއަރމަން، އެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ލިޔުމުން ހުށަހަޅައި، އިސްތިއުފާގެ ލިޔުން ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން، އޭނާ، އެ މަގާމުން ވަކިވީއެވެ.
(ބ) ބޯޑުގެ ޗެއަރމަނަށް ނުވަތަ ވައިސް ޗެއަރމަނަށް އެ މަގާމުގެ ހައިސިއްޔަތުން އުޖޫރައެއް ނުވަތަ އިނާޔަތެއް ނުލިބޭނެއެވެ.
79 ވަނަ މާއްދާ - އާބިޓްރޭށަން ސެންޓަރުގެ މަސްއޫލިއްޔަތުތައް
މި ގާނޫނުގެ ދަށުން އުފައްދާ އާބިޓްރޭށަން ސެންޓަރުގެ މަސްއޫލިއްޔަތުތައް ތިރީގައި އެވަނީއެވެ.
(ހ) އާބިޓްރޭށަނުގެ މަރުކަޒެއްގެ ގޮތުގައި ދިވެހިރާއްޖެ ކުރިއެރުވުން؛
(ށ) ދިވެހިރާއްޖޭގައި އާބިޓްރޭށަން ހިންގުމަށް ބޭނުންވާ ވަސީލަތްތައް ހަމަޖައްސައިދިނުމާއި އެކަމަށް މަގުފަހިކުރުން؛
(ނ) މައްސަލަ ހައްލުކުރުމުގައި އާބިޓްރޭށަނުގެ ވަސީލަތް އިހްތިޔާރުކުރުމަށް ހިތްވަރުދިނުން؛
(ރ) ދިވެހިރާއްޖޭގައި އާބިޓްރޭޓަރުންގެ ގޮތުގައި މަސައްކަތްކުރަން ބޭނުންވާ ފަރާތްތައް ރަޖިސްޓަރީކުރުމާގުޅޭ އުސޫލުތައް ކަނޑައެޅުމާއި، ތައާރަފުކުރުމާއި، އެމީހުންގެ ދަފްތަރެއް ލިޔެ ބެލެހެއްޓުމާއި، އެމީހުން ރަޖިސްޓަރީކުރަމުން ދިޔުން؛
(ބ) ދިވެހިރާއްޖޭގައި އާބިޓްރޭށަނުގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ކަންކަމަށް މަގުފަހިކޮށްދިނުން؛
(ޅ) މި ގާނޫނުގެ ދަށުން ނުވަތަ އެހެން ގާނޫނެއްގެ ދަށުން އާބިޓްރޭށަން ސެންޓަރުން ކުރަންޖެހޭ ކަމެއް ކަމަށް ބަޔާންކުރާ ކަންކަން ކުރުން؛
(ކ) ޔުނައިޓެޑް ނޭށަންސް ކޮމިށަން އޮން އިންޓަރނޭށަނަލް ޓްރޭޑް ލޯ (އަންސިޓްރަލް) އިން އާބިޓްރޭށަނާ ގުޅޭގޮތުން ކަނޑައަޅާ އުސޫލުތަކާއި މިންގަނޑުތަކާއި ހަމަތައް ދިވެހިރާއްޖޭގެ ގާނޫނުގެ ދާއިރާގެ ތެރޭގައި ހިންގައި ތަންފީޒުކުރުމުގެ ޒިންމާ އުފުލުން.
80 ވަނަ މާއްދާ - ޗީފް އެގްޒެކެޓިވް އޮފިސަރ
(ހ) އާބިޓްރޭށަން ސެންޓަރުގެ އިދާރީ އެންމެހައި ކަންކަން ހިންގައި ބަލަހައްޓާނެ ޗީފް އެގްޒެކެޓިވް އޮފިސަރެއް ހުންނަންވާނެއެވެ. އަދި އެ މަގާމަށް މީހަކު އައްޔަނުކޮށް ވަކިކުރާނީ ޑިރެކްޓަރުންގެ ބޯޑުގެ ލަފާގެ މަތިން، ޗެއަރމަނެވެ.
(ށ) ޗީފް އެގްޒެކެޓިވް އޮފިސަރުގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ލަފާގެ މަތިން، ޗެއަރމަނެވެ.
81 ވަނަ މާއްދާ – މުވައްޒަފުން
(ހ) އާބިޓްރޭށަން ސެންޓަރުގައި ޑިރެކްޓަރުންގެ ބޯޑުގެ މަށްވަރާގެ މަތިން ޗެއަރމަން ކަނޑައަޅާ އަދަދަކަށް މުވައްޒަފުން ތިބެންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ މުވައްޒަފުންގެ މަގާމާއި، ގިންތިއާއި، މަސައްކަތާއި، މުސާރައާއި، އިނާޔަތް ކަނޑައަޅާނީ، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ލަފާގެ މަތިން، ޗެއަރމަނެވެ.
82 ވަނަ މާއްދާ - ބަޖެޓުން ފައިސާ ދޫކުރުން
މި ގާނޫނުގެ 75 ވަނަ މާއްދާގެ ދަށުން އުފެދޭ އާބިޓްރޭށަން ސެންޓަރު ހިންގުމަށާއި، މި ގާނޫނު ތަންފީޒުކުރުމަށާއި، މި ގާނޫނުގެ ދަށުން އާބިޓްރޭށަން ސެންޓަރުން ކުރަންޖެހޭ މަސައްކަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރުމަށް އެކަށީގެންވާ ކަމަށް ފެންނަ މިންވަރެއްގެ ފައިސާ ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުގައި ހިމަނަންވާނެއެވެ.
ވަނަ މާއްދާ - ބާރަވަނަ ބާބު
އާންމު އުސޫލުތައް
83 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން
(ހ) މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މެދުގައި އެހެންގޮތަކަށް އެއްބަސްވެފައިނުވާހާ ހިނދަކު، އާބިޓްރޭށަނާގުޅޭ އެންމެހައި މައުލޫމާތާއި ރެކޯޑާއި ހެއްކާއި އާބިޓްރަލް އެވޯޑަކީ، ސިއްރުކަމުގައި ބެލެވޭނެއެވެ.
(ށ) އަންނަނިވި ދެ ހާލަތުގެ ތެރެއިން ހާލަތެއްގައި މެނުވީ، އެ ސިއްރު އެހެން ފަރާތަކަށް ހާމަކޮށްގެންނުވާނެއެވެ.
- ދެފަރާތުގެ އެއްބަސްވުން އޮވެގެން، ދެފަރާތުގެ ރުހުމާއެކު؛
- އާބިޓްރަލް އެވޯޑާ ގުޅޭގޮތުން ގާނޫނު ހުއްދަކުރާ ގޮތެއްގެމަތިން، ކޯޓަށް ހުށަހެޅޭ މައްސަލައެއްގައި، ނުވަތަ އެހެންވެސް އިދާރާ އަކަށް ހުށަހެޅޭ މައްސަލައެއްގައި، އެ ހުށަހެޅޭ މައްސަލައަކަށް ބޭނުންވާ ނިސްބަތަށް؛
(ނ) ހިންގާފައިވާ ނުވަތަ ހިނގަމުންދާ އާބިޓްރޭށަނަކާ ގުޅޭގޮތުން، ކޯޓަށް ހުށަހެޅޭ މައްސަލައަކާމެދު ކޯޓުން ގޮތެއް ނިންމާއިރުވެސް، އެ މައްސަލައިގައި ހިމެނޭ ލިޔެކިޔުންތަކާއި އެ މައްސަލައާގުޅޭ އެހެނިހެން މައުލޫމާތު ސިއްރުގެ ގޮތުގައި ހިފެހެއްޓިގެންދާނެ ގޮތަކަށް ކަންކަން ކުރުމަށް ކޯޓުން ކަނޑައަޅަންވާނެއެވެ.
84 ވަނަ މާއްދާ - އާބިޓްރޭށަނުގެ ހަރަދު
(ހ) އާބިޓްރޭށަނުގެ ކަންކަން ހިންގުމަށްޓަކައި މައްސަލައިގައި ހިމެނޭ ފަރާތްތަކުން ދައްކަންޖެހޭ އާބިޓްރޭޓަރުންގެ ފީއާއި، ކުރަންޖެހޭ އެހެނިހެން ހަރަދާއި އުފުލަންޖެހޭ މާލީ ޒިންމާތައް، އެފަރާތްތަކުގެ މެދުގައި އެއްބަސްވެފައިވާ ގޮތުގެމަތިން ހަމައަށް އެންމެންގެ މެދުގައި ބަހާލެވިދާނެއެވެ.
(ށ) އާބިޓްރޭށަނުގެ ކަންކަން ހިންގުމަށްޓަކައި މައްސަލައިގައި ހިމެނޭ ފަރާތްތަކުން ދައްކަންޖެހޭ އާބިޓްރޭޓަރުންގެ ފީއާއި، ކުރަންޖެހޭ އެހެނިހެން ހަރަދާއި އުފުލަންޖެހޭ މާލީ ޒިންމާތައް އެފަރާތްތަކުގެ މެދުގައި ބަހާނެ ގޮތެއް އެފަރާތްތަކުގެ މެދުގައި އެއްބަސްވެފައި ނުވާނަމަ، އެފަރާތްތަކުގެ މެދުގައި އެ ހަރަދުތައް ބެހިގެންދާނެ ގޮތް ކަނޑައަޅާނީ، އާބިޓްރަލް ޓްރައިބިއުނަލުންނެވެ.
85 ވަނަ މާއްދާ - އާބިޓްރޭޓަރުގެ ޒިންމާ
(ހ) މަކަރާއި ހީލަތް ހެދުމުގެ ނިޔަތެއް ނެތި، ނުވަތަ ޖިނާއީ ކުށެއް ކުރުމުގެ ނިޔަތެއް ނެތި، އާބިޓްރޭޓަރަކު އޭނާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން، އޭނާ ކުރިކަމަކާ ގުޅޭގޮތުން ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާ ގުޅޭގޮތުން، ނުވަތަ އޭނާއަށް ގާނޫނެއްގައި އޮތް އެއްޗެއް ނޭނގުމުގެ ސަބަބުން، ނުވަތަ މައްސަލައިގައި ހިމެނިގެންވާ ނުކުތާއެއް ނޭނގުމުގެ ސަބަބުން، ނުވަތަ މައްސަލައާއިގެން ކުރިއަށްދިޔުމުގައި އަމަލުކުރަންވީ އުސޫލެއް ނޭނގުމުގެ ސަބަބުން، އޭނާ އުފުލަންޖެހޭ ގާނޫނީ ޒިންމާއެއް ނޯންނާނެއެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތްކަމުގައި ވީނަމަވެސް، އޭނާ އާބިޓްރޭޓަރެއްގެ ހައިސިއްޔަތުން މަސްއޫލިއްޔަތު އަދާކުރުމުގައި މަކަރާއި ހީލަތް ހަދައިފިކަމަށްވާނަމަ ނުވަތަ ޖިނާއީ ކުށެއް ކޮށްފިކަމަށްވާނަމަ، އެކަމާ ގުޅޭގޮތުން އޭނާ ކުރިކަމަކާ ގުޅޭގޮތުން ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާ ގުޅޭގޮތުން، އުފުލަންޖެހޭ ގާނޫނީ ޒިންމާ އޭނާ އުފުލަންޖެހޭނެއެވެ.
86 ވަނަ މާއްދާ - ވަކީލުން އައްޔަނުކުރުން
މި ގާނޫނުގެ ދަށުން އާބިޓްރޭށަނުގައި ހިނގާ މައްސަލައެއްގައި ހިމެނޭ ފަރާތަކުން ބޭނުންކަމުގައިވާނަމަ، އެފަރާތް ގާނޫނީ ވަކީލަކު މެދުވެރިކޮށް ނުވަތަ އޭނާގެ ބަދަލުގައި ކަނޑައަޅާ ފަރާތެއް މެދުވެރިކޮށް ތަމްސީލުކުރެވިދާނެއެވެ.
87 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން
(ހ) މި ގާނޫނުގައި ކޯޓުން ކަނޑައަޅަންޖެހޭ ގަވާއިދެއް ކަމަށް ބުނެފައިވާ ހާލަތުގައި ފިޔަވައި، މި ގާނޫނު ތަންފީޒުކުރުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތައް ހަދައި، ހިންގާނީ އެޓަރނީ ޖެނެރަލެވެ. ކޯޓުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ ކޯޓުންނެވެ.
(ށ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް މި ގާނޫނު ތަސްދީގުކުރާތާ ގިނަވެގެން 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި، ހަދައި، އާންމުކޮށް އިއުލާންކުރަންވާނެއެވެ.
88 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރުން
މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
89 ވަނަ މާއްދާ – މާނަކުރުން
މި ގާނޫނުގައި ލަފުޒެއް ނުވަތަ އިބާރާތެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާ ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައިއެވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކާ ގުޅިގެން، ތިރީގައި ދީފައިއެވާ މާނަކުރުމެވެ.
(ހ) "ބެންގަލޯރ ޕްރިންސިޕަލްސް" ކަމަށް ބުނެފައިއެވަނީ، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގައި މަސައްކަތްކުރާ ފަނޑިޔާރުންގެ މިނިވަންކަމާއި، ވަކި ފަރާތަކަށް ނުޖެހުމާއި، ސުލޫކާ ގުޅޭގޮތުން "ބެންގަލޯރ ޕްރިންސިޕަލްސް އޮފް ޖުޑިށަލް ކޮންޑަކްޓް" ގެ ނަމުގައި، އެކުލަވާލައި އަމަލުކުރެވެމުންދާ ބައިނަލްއަގްވާމީ ހަމަތަކަށެވެ.
(ށ) "ކޯޓު" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގައި ބަޔާންކުރާ ކަމެއް ކަނޑައެޅުމުގެ އިހްތިސާސް ލިބިގެންވާ ދިވެހިރާއްޖޭގެ ހައިކޯޓަށެވެ.
(ނ) "އާބިޓްރޭށަން ސެންޓަރު" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ ދަށުން އުފައްދާ މޯލްޑިވްސް އިންޓަރނޭށަނަލް އާބިޓްރޭށަން ސެންޓަރަށެވެ.
(ރ) "ވައިސް ޗެއަރމަން" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ 78 ވަނަ މާއްދާގެ ދަށުން، އާބިޓްރޭށަން ސެންޓަރުގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކުރާ ވައިސް ޗެއަރމަނަށެވެ.
(ބ) "ވިޔަފާރީގެ މައްސަލަތައް" ކަމަށް ބުނެފައިއެވަނީ، ދެފަރާތެއްގެ ދެމެދުގައި ހިންގޭ ވިޔަފާރިއަކާ ގުޅިގެން ނުވަތަ އޭގެ ސަބަބުން ނުވަތަ އޭގެ ނަތީޖާއެއްގެ ގޮތުން އުފެދޭ މައްސަލަތަކަށެވެ.
(ޅ) "ވިޔަފާރީގެ ގުޅުން" ކަމަށް ބުނެފައިއެވަނީ، ދެފަރާތެއްގެ ދެމެދުގައި އުފެދޭ ގުޅުންތަކުގެ ތެރެއިން އެއްބަސްވުމެއް ލިޔެވިފައި އޮތްކަމުގައި ވީނަމަވެސް ނުވަތަ އެއްބަސްވުމެއް ލިޔެވިފައި ނެތް ކަމުގައިވީ ނަމަވެސް އުފެދޭ ވިޔަފާރީގެ ގުޅުންތަކަށެވެ.
(ކ) "ލިޔުން" ނުވަތަ "ލިޔުމެއް" ކަމަށް ބުނެފައިއެވަނީ، އަންނަނިވި ވަސީލަތްތައް ހިމެނޭގޮތުން، އެއްވެސް ބާވަތެއްގެ މައުލޫމާތެއް ރިކޯޑުކޮށްފައިވާ އެއްޗަކަށެވެ.
- ލިޔުމުން ނުވަތަ ޗާޕުކޮށްފައި އޮތް އެއްޗެއް (ޗާޓެއް ނުވަތަ ޕްލޭނެއް ނުވަތަ ގްރާފެއް ނުވަތަ ކުރެހުމެއް
- އިލެކްޓްރޯނިކް ވަސީލަތަކުން ވާސިލުވެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ކޮމްޕިއުޓަރ ފައިލެއް؛
- ފޮޓޯ؛
- އަޑު ނުވަތަ އެފަދަ އެހެން ޑޭޓާއެއް ރައްކާކުރެވިފައިވާ ޑިސްކެއް ނުވަތަ ޓޭޕެއް ނުވަތަ ފިލްމެއް ނުވަތަ ރޯލެއް؛
- މަންޒަރު ނުވަތަ އެފަދަ އެހެން ޑޭޓާއެއް ރައްކާކުރެވިފައިވާ ފިލްމެއް ނުވަތަ ނެގަޓިވެއް ނުވަތަ އެނޫންވެސް އެއްޗެއް.
(އ) "ޗީފް އެގްޒެކްޓިވް އޮފިސަރ" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ 80 ވަނަ މާއްދާގެ ދަށުން، އާބިޓްރޭށަން ސެންޓަރުގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަން އައްޔަނުކުރާ ޗީފް އެގްޒެކްޓިވް އޮފިސަރަށެވެ.
(ވ) "ޗެއަރމަން" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ 78 ވަނަ މާއްދާގެ ދަށުން، އާބިޓްރޭށަން ސެންޓަރުގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކުރާ ޗެއަރމަނަށެވެ.
ކިޔުންތެރިންގެ ހިޔާލު