ޕޯސްޓުގެ ހިދްމަތުގެ ގާނޫނު
(ގާނޫނު ނަންބަރު 2006-05)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ދިވެހިރާއްޖޭގައި ޕޯސްޓުގެ ހިދްމަތް ދިނުމާބެހޭ ގާނޫނެވެ.
(ށ) މި ގާނޫނަށް ކިޔާނީ، " ޕޯސްޓުގެ ހިދްމަތުގެ ގާނޫނު" އެވެ.
2 ވަނަ މާއްދާ - މަގްސަދު
މި ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި، އަންނަނިވި ކަންކަން ހިމެނެއެވެ.
- ދިވެހިރާއްޖޭގައި ޕޯސްޓުގެ ހިދްމަތް ތަރައްގީކޮށް، ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅު ތަކަށާއި، ރާއްޖެއިން ބޭރަށް ޕޯސްޓުގެ ހިދްމަތް ފޯރުވައިދިނުމަށް މަގު ފަހިކޮށްދިނުން؛
- ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އެކަށީގެންވާ އަގެއްގައި، ޕޯސްޓުގެ ހިދްމަތް ލިބޭނެ މަގު ތަނަވަސް ކޮށްދިނުން؛
- ޕޯސްޓުގެ ހިދްމަތް ފޯރުވައިދިނުމުގައި ވާދަވެރި ވިޔަފާރީގެ މާހައުލެއް ގާއިމުކޮށް ތަރައްގީކޮށް، ކުރިއެރުވުން؛
- ޕޯސްޓުގެ ހިދްމަތް ފޯރުވައިދީ، ތަރައްގީކޮށް ފުޅާކުރުމުގައި ސަރުކާރާއި އާންމު ފަރުދުންނަށް މި ދާއިރާގައި އިންވެސްޓް ކުރެވޭނޭ މަގު ތަނަވަސްކޮށްދިނުން؛
- ޕޯސްޓުގެ ހިދްމަތް ފޯރުވައި ދިނުމުގައި ދިވެހިސަރުކާރުން އެމައްޗަށް އަމަލުކުރަންޖެހޭ ބައިނަލްއަގްވާމީ މުއާހަދާތަކާއި އެއްބަސްވުންތަކާ އެއްގޮތްވާ ގޮތުގެމަތިން އަމަލުކުރުން؛
- ޕޯސްޓުގެ ހިދްމަތް ފޯރުވައި ދިނުމުގައި، ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމާއި، ޕޯސްޓުގެ ހިދްމަތް ސަލާމަތްކަމާއެކު ފޯރުވައިދިނުން.
3 ވަނަ މާއްދާ – ގާނޫނު ހިންގުމާއި ގަވާއިދު ހެދުން
މި ގާނޫނު ހިންގާނީ، އަދި މި ގާނޫނު ހިންގުމަށްޓަކައި ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި ހިންގާނީ، ޕޯސްޓުގެ ހިދްމަތުގެ ކަންތައްތައް ބެލެހެއްޓުމަށް، އެވަގުތަކު ސަރުކާރުން ހަމަޖައްސާ މިނިސްޓްރީ އަކުންނެވެ. އެ މިނިސްޓްރީން ކުރާ ކަންތައްތަކުގެ ތެރޭގައި، އަންނަނިވި ކަންކަން ހިމެނެއެވެ.
- ދިވެހިރާއްޖޭގައި ޕޯސްޓުގެ ހިދްމަތް ދޭ ފަރާތްތައް ރަޖިސްޓަރީކޮށް ބެލެހެއްޓުން؛
- ޕޯސްޓުގެ ހިދްމަތް ދޭ ފަރާތްތަކުން ފޯރުވައިދޭ ހިދްމަތުގެ ފެންވަރު ބެލުން؛
- ޕޯސްޓުކުރާތަކެތި، ގާނޫނު ހުއްދަކުރާ ގޮތުގެމަތިން، ބަލައި ފާސްކުރާނޭ އުސޫލާއި މިންގަނޑު ކަނޑައެޅުން؛
- ޕޯސްޓުކުރާތަކެތީގެ ތެރެއިން ރައްދު ނުކުރެވޭ ތަކެއްޗާއި، ގާނޫނު ހުއްދަކުރާ ގޮތުގެމަތިން އަތުލެވޭ ތަކެއްޗާއި، އަދި ނައްތާލަންޖެހޭ ތަކެއްޗާމެދު، އަމަލު ކުރާނޭ އުސޫލުތައް ކަނޑައެޅުން.
4 ވަނަ މާއްދާ – ޕޯސްޓުގެ ހިދުމަތް ދޭ ގައުމީ އިދާރާ
ދިވެހިރާއްޖޭގައި ޕޯސްޓުގެ ހިދްމަތް ދޭ ގައުމީ އިދާރާއެއް ގާއިމުކުރަންވާނެއެވެ.
5 ވަނަ މާއްދާ – ރާއްޖެއާއި ރާއްޖޭން ބޭރުގައި ޕޯސްޓަލް ހިދުމަތް ފޯރުވައިދިނުން
ޕޯސްޓުގެ ހިދްމަތްދޭ ގައުމީ އިދާރާއިން، ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށާއި ދިވެހިރާއްޖެއާއި ބޭރުގެ ގައުމުތަކާ ދެމެދު ޕޯސްޓުގެ އަސާސީ ހިދްމަތް، ތިރީގައިމިވާ ފަދައިން ފޯރުވައިދޭންވާނެއެވެ.
- އެކަށީގެންވާ ފެންވަރެއްގައި، ހަމަހަމަ އަދި އިންސާފުވެރި ގޮތެއްގެމަތިން، އާންމުކޮށް އެންމެންނަށް އެ ހިދްމަތް ދިނުން؛
- ގައުމުގެ އިޖްތިމާއީ، ސިނާއީ، އަދި އިގްތިސާދީ ބޭނުންތަކަށް އެކަށީގެންވާ ފެންވަރެއްގައި، އެ ހިދްމަތް ފޯރުވައިދިނުން.
6 ވަނަ މާއްދާ – ބައިނަލް އަގްވާމީ ޒިންމާއާ އެއްގޮތަށް އަމަލުކުރުން
(ހ) ޕޯސްޓުގެ ހިދްމަތްދޭ ފަރާތްތަކުން، އެފަދަ ހިދްމަތް ދޭންވާނީ، ޕޯސްޓުގެ ހިދްމަތް ދިނުމާބެހޭ ކަންތައްތައް ބެލެހެއްޓުމަށް އެވަގުތަކު ސަރުކާރުން ހަމަޖައްސާ މިނިސްޓްރީން ކަނޑައަޅާ ފެންވަރެއްގައި އަދި ކަނޑައަޅާ އުސޫލެއްގެ މަތިންނެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ ފެންވަރާއި އުސޫލު ވާންވާނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާއި، ސަރުކާރުން އެމައްޗަށް އަމަލުކުރަންޖެހޭ ބައިނަލްއަގްވާމީ މުއާހަދާތަކާއި، އެއްބަސްވުންތަކާ އެއްގޮތްވާ ގޮތުގެމަތިން ކަނޑައަޅާ ފެންވަރާއި އުސޫލުތައް ކަމުގައެވެ.
7 ވަނަ މާއްދާ – ޕޯސްޓުކުރާތަކެތި އުފުލުމާއި އުފުލަން އެންގުން
ދިވެހިރާއްޖޭގައި ޕޯސްޓުކުރާ ތަކެތި އެއްތަނުން އަނެއްތަނަށް ގެންދިއުމަށް ދިވެހިރާއްޖޭގެ އެއްގަމާއި، ކަނޑާއި، ޖައްވުގައި ދަތުރުކުރާ އުޅަނދުތަކަށް އެންގުމުގެ އިހްތިޔާރު، ޕޯސްޓުގެ ހިދްމަތްދޭ ގައުމީ އިދާރާގެ އެންމެ އިސްވެރިޔާއަށް، ނުވަތަ އޭނާ ހަވާލުކުރާ ފަރާތަކަށް ލިބިގެންވެއެވެ.
8 ވަނަ މާއްދާ – އިހްތިޔާރު ބޭނުންކުރަންވާ ގޮތް
(ހ) މި ގާނޫނުގެ 7 ވަނަ މާއްދާއިން ލިބިދޭ އިހްތިޔާރުގެ ދަށުން އެންގޭނީ ތިރީގައި ބަޔާންވެގެންމިވާ ފަރާތްތަކަށެވެ.
- ދަތުރުފަތުރުކުރާ އުޅަނދުގެތެރެއިން، އާންމުކޮށް ވިޔަފާރީގެ އުސޫލުން ފަސިންޖަރުންނާއި މުދާ އުފުލުމަށް ދިވެހިރާއްޖޭގައި ހުއްދަކޮށްފައިވާ އުޅަނދު؛
- ސަރުކާރު، ނުވަތަ ސަރުކާރުގެ އިދާރާއަކުން އޮޕަރޭޓުކުރާ އުޅަނދު.
(ށ) މި ގާނޫނުގެ 7 ވަނަ މާއްދާގެ ދަށުން ލިބިދޭ އިހްތިޔާރު ބޭނުންކުރަންވާނީ، ތިރީގައި ބަޔާންވެގެންމިވާ ހާލަތުތަކުގައެވެ.
- އެ އުޅަނދު ދަތުރުކުރާ ތަނާއި، ޕޯސްޓުން ފޮނުވަން ބޭނުންވާ ތަކެތި ފޮނުވާ ތަނަކީ، އެއް މަންޒިލެއް ކަމުގައިވުން؛
- ޕޯސްޓުން ފޮނުވާ ތަކެތީގެ ބޮޑުމިނަށާއި ބުރަދަނަށް ބަލާއިރު، އެތަކެތި ފޮނުވާ އުޅަނދަކުން ދަތުރުކުރާ ދަތުރުވެރިއަކަށް ނުރައްކަލެއް ދިމާ ނުވުން، ނުވަތަ ދަތުރުވެރިޔަކަށް އުނދަގުލެއް އުފުލަން ނުޖެހުން.
9 ވަނަ މާއްދާ - އިސްތިސްނާ ފަރާތްތައް
ސިފައިންނާއި، އެނޫންވެސް ގައުމީ ސަލާމަތީ ކަންތައްތަކުގައި ހަރަކާތްތެރިވާ އިދާރާއަކުން އޮޕަރޭޓުކުރާ އުޅަނދު، މި ގާނޫނުގެ 7 ވަނަ މާއްދާގެ މަގްސަދަށްޓަކައި އިސްތިސްނާ ވެގެންވެއެވެ.
10 ވަނަ މާއްދާ – މަންޒިލަށް ވާސިލުވުމުން ލަސްނުކޮށް ތަކެތި ހަވާލުކުރުން
މި ގާނޫނުގެ 7 ވަނަ މާއްދާގެ ދަށުން، ޕޯސްޓުން ފޮނުވާ ތަކެތި ގެންގޮސްދޭ އުޅަނދު، މަންޒިލަށް ވާސިލުވުމުން ލަސްނުކޮށް ޕޯސްޓުގެ ހިދްމަތްދޭ ގައުމީ އިދާރާ، ނުވަތަ އެ އިދާރާއިން ކަނޑައަޅާ ފަރާތަކާ އެތަކެތި ހަވާލުކުރަންވާނެއެވެ. އަދި އެފަރާތަކުން އެތަކެއްޗާ ހަވާލުވާން ވާނެއެވެ.
11 ވަނަ މާއްދާ - އުޖޫރަ ދިނުން
މި ގާނޫނުގެ 7 ވަނަ މާއްދާގެ ދަށުން ޕޯސްޓުން ފޮނުވާ ތަކެތި ގެންގޮސްދޭ ފަރާތްތަކަށް އެކަށީގެންވާ އުޖޫރައެއް ދޭންވާނެއެވެ.
12 ވަނަ މާއްދާ - ށަކުވާ ހުށަހެޅުން
މި ގާނޫނުގެ 7 ވަނަ މާއްދާގެ ދަށުން ޕޯސްޓުގެ ހިދްމަތްދޭ ގައުމީ އިދާރާއަށް ލިބިދޭ އިހްތިޔާރު ބޭނުންކޮށްފިނަމަ، ނުވަތަ ބޭނުންކުރަން ނިންމައިފިނަމަ، އެ ނިންމި ނިންމުމާމެދު ހިތްހަމަ ނުޖެހޭ ފަރާތްތަކުން 30 ދުވަހުގެ ތެރޭގައި އެ މައްސަލައެއް މިނިސްޓަރަށް ހުށަހެޅުމުގެ އިހްތިޔާރު ލިބިގެންވެއެވެ. މިގޮތުން މައްސަލަ ހުށަހަޅަންވާނީ، އަންނަނިވި ކަންކަމުގައެވެ.
- ޕޯސްޓުން ފޮނުވާ ތަކެތި ފޮނުވައިދިނުމަށް ޕޯސްޓުގެ ހިދްމަތް ދޭ ގައުމީ އިދާރާއިން ހުށަހަޅާ އަގަކީ، އެކަށީގެންވާ އަގަކަށް ނުވުން؛
- ޕޯސްޓުން ތަކެތި ގެންދާ ފަރާތަށް ލާޒިމުކުރާ ކަންތައްތަކާއި ށަރްތުތަކަކީ، އެކަށީގެންވާ ކަންތައްތަކެއް، ނުވަތަ ށަރްތުތަކެއްކަމުގައި ނުވުން؛
- ޕޯސްޓުގެ ހިދްމަތްދޭ ގައުމީ އިދާރާއިން ނިންމި ނިންމުމަކީ، މި ގާނޫނުގެ 8 ވަނަ މާއްދާގައިވާ ކަންތައްތަކާ ހިލާފު ނިންމުމެއް ކަމުގައިވުން.
13 ވަނަ މާއްދާ – އިހްތިޔާރު ނަހަމަގޮތުގައި ބޭނުންކުރުން
މި ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން، މިނިސްޓަރަށް ށަކުވާ ހުށަހެޅުމަށް ލިބިދޭ އިހްތިޔާރު ބޭނުންކުރުމުގައި، ޕޯސްޓުން ފޮނުވާ ތަކެތި ނުގެންދިއުން، ނުވަތަ އެ ތަކެތި ގެންދިއުން ލަސްކުރުން، އެއީ މަގްސަދު ކަމުގައި ވެގެން ނުވާނެއެވެ.
14 ވަނަ މާއްދާ – ސްޓޭމްޕް ނެރެ ށާއިއުކުރުން
އަންނަނިވި ކަންކަން ކުރުމުގެ ހައްގު ލިބިގެންވަނީ، ހަމައެކަނި ޕޯސްޓުގެ ހިދްމަތް ދޭ ގައުމީ އިދާރާއަށެވެ.
- ސްޓޭމްޕް އުފައްދައި ނެރުން، އަދި ސްޓޭމްޕް އުފެއްދުމަށް އެހެން ފަރާތަކާ ހަވާލުކުރުން؛
- ވަކިކަމަކާއި ނުވަތަ ވަކި މުނާސަބަތަކާ ގުޅިގެން ނެރޭ ސްޓޭމްޕް ބޭނުން ކުރާނެ މުއްދަތު ކަނޑައެޅުން.
15 ވަނަ މާއްދާ - މަނާ ކަންތައްތައް
ތިރީގައިމިވާ ކަންތައްތަކުގެ ތެރެއިން ކަމެއް، އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެއެވެ.
- ވަގު ސްޓޭމްޕް ޗާޕުކުރުން؛
- ޕޯސްޓުގެ ހިދްމަތްދޭ ގައުމީ އިދާރާއިން ނެރެފައިވާ ސްޓޭމްޕެއްވެސް އެ އިދާރާގެ ހުއްދަ ލިބިގެން މެނުވީ އަލުން އުފެއްދުން؛
- ވަގު ސްޓޭމްޕެއްކަން އެނގިހުރެ، އެ ސްޓޭމްޕެއް ގެންގުޅުމާއި، ވިއްކުމާއި، ބޭނުންކުރުމާއި، ބޭނުންކުރަން އުޅުން؛
- ހުއްދަ ލިބިފައިވާ ފަރާތަކުން މެނުވީ ސްޓޭމްޕް އުފެއްދުމަށް، ނުވަތަ ށާއިއު ކުރުމަށް ބޭނުންކުރާ އެއްވެސް ވަސީލަތެއް ގެންގުޅުން، ނުވަތަ އަތުގައި ބެހެއްޓުން؛
- ހުއްދަ ލިބިފައިވާ ފަރާތަކުން މެނުވީ، ސްޓޭމްޕް އުފައްދާ ށާއިއު ކުރުމަށް ބޭނުންކުރާ ކަރުދާސް ބޭނުން ކުރުން، ނުވަތަ ގެންގުޅުން، ނުވަތަ އަތުގައި ބެހެއްޓުން؛
- ބޭނުންކޮށްފައިވާ ސްޓޭމްޕެއް، މަކަރާއި ހީލަތްހެދުމުގެ ގޮތުން ބޭނުން ކުރުން؛
- ޕޯސްޓުގެ ހިދްމަތް ދޭ ގައުމީ އިދާރާ ފިޔަވައި، އެހެން ފަރާތަކުން، ސްޓޭމްޕުގެ މޫނުމަތީ އަގު، ނުވަތަ ރިޓެއިލް އަގަށްވުރެ ދަށް އަގެއްގައި ސްޓޭމްޕް ވިއްކުން؛
- ބޭނުން ކުރެވިއްޖެކަން އެންގުމަށްޓަކައި ސްޓޭމްޕުގައި ޖަހާފައިވާ ތައްގަނޑެއް، ނުވަތަ ސިއްކައެއް، ނުވަތަ ފާހަގައެއް ފޮހުން، ނުވަތަ އެގޮތަށް ފޮހެފައިވާ ސްޓޭމްޕް، ޕޯސްޓުގެ ހިދްމަތް ލިބިގަތުމަށް ބޭނުންކުރުން، ނުވަތަ ބޭނުން ކުރުމަށްޓަކައި އަތުގައި ބެހެއްޓުން؛
- ޕޯސްޓުކޮށްފައިވާ އެއްޗެއް ޕޯސްޓުގެ ހިދްމަތްދޭ އިދާރާ، ނުވަތަ އެ އިދާރާގެ މުވައްޒަފެއްގެ ހަވާލުގައި ވަނިކޮށް، އެ އެއްޗަކުން ސްޓޭމްޕެއް ނައްޓާލުން.
16 ވަނަ މާއްދާ – ފައިސާ ނަހަމަގޮތުގައި ބޭނުންކުރުން
ޕޯސްޓުގެ ހިދްމަތް ދޭ ގައުމީ އިދާރާގެ ފައިސާ، ނުވަތަ އެ އިދާރާއިން ވަކި ފަރާތަކާ ހަވާލު ކުރުމަށް ބަލައިގަންނަ ފައިސާ، ނަހަމަގޮތުގައި ބޭނުންކޮށް، ވަގަށްނަގައި، އަދި ހުއްދަކުރެވިފައިވާ ގޮތުގެ މަތިން މެނުވީ، އެހެން އެއްވެސް ފަރާތަކާ ހަވާލުކޮށްގެން ނުވާނެއެވެ.
17 ވަނަ މާއްދާ – ޕޯސްޓުކުރާ ތަކެތި ކަނޑައި، ބަލައި ހެދުން
ގާނޫނު ހުއްދަކުރާ ގޮތުގެމަތިން މެނުވީ، ޕޯސްޓުކުރެވޭ ސިޓީއާއި، ޕާރުސަލާއި އަދި އެނޫންވެސް ތަކެތި އެ ތަކެތީގެ ހައްގުވެރިން ފިޔަވައި، އެހެން އެއްވެސް ފަރާތަކުން، އެތަކެތި ކަނޑައި، ބަލައި ހަދައިގެން ނުވާނެއެވެ.
18 ވަނަ މާއްދާ – ޕޯސްޓުގެ ހިދުމަތްދޭ ފަރާތްތަކަށް ދަތިކުރުން
ޕޯސްޓުކުރާ އެއްވެސް އެއްޗެއް އުފުލުމަށް ނުވަތަ، ރައްދުކުރުމަށް ދަތިވާފަދަ އެއްވެސް އަމަލެއް ޕޯސްޓުގެ ހިދްމަތް ދޭ ފަރާތަކަށް، ނުވަތަ އެއިން ފަރާތެއްގެ އެޖެންޓަކަށް، ނުވަތަ މުވައްޒަފަކަށް އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެއެވެ.
19 ވަނަ މާއްދާ – ތަކެއްޗަށް ގެއްލުން ދިނުމާއި ވަގަށް ނެގުން
ތިރީގައިމިވާ ކަންތައްތަކުގެ ތެރެއިން ކަމެއް، އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެއެވެ.
- ޕޯސްޓު ކޮށްފައިވާ އެއްޗެއް، ހިދްމަތްދޭ އިދާރާ ނުވަތަ، އެ އިދާރާގެ މުވައްޒަފެއްގެ ހަވާލުގައި ވަނިކޮށް، އެ އެއްޗަކަށް ގެއްލުންދިނުން؛
- ޕޯސްޓުގެ ހިދްމަތް ދޭ ގައުމީ އިދާރާގެ އެއްވެސް ރެކޯޑެއް، ނުވަތަ ލިޔެކިޔުމެއް، ފޯޖްކުރުން، ނުވަތަ ހަލާކުކުރުން؛
- ޕޯސްޓުގެ ހިދްމަތް ދޭ ގައުމީ އިދާރާގެ އެއްވެސް މުދަލަކަށް ގެއްލުން ދިނުން، ނުވަތަ ހަލާކު ކުރުން، ނުވަތަ ނައްތާލުން، ނުވަތަ ވަގަށްނެގުން؛
- ޕޯސްޓުގެ ހިދްމަތްދޭ ގައުމީ އިދާރާގެ އެއްވެސް ކޮމްޕިއުޓަރަކަށް، ނުވަތަ ސިސްޓަމަކަށް އެއްވެސް ބާވަތެއްގެ ވައިރަސްއެއް އެޅުން.
20 ވަނަ މާއްދާ – ޕޯސްޓުކުރާ ތަކެއްޗާ ގުޅުންހުރި މައުލޫމާތު ހާމަ ނުކުރުން
ޕޯސްޓުގެ ހިދްމަތް ދޭ ގައުމީ އިދާރާގެ އެއްވެސް ކޮމްޕިއުޓަރެއްގައި، ނުވަތަ ޕްރޮގްރާމެއްގައި، ނުވަތަ އިލެކްޓްރޯނިކް ގޮތުން، ނުވަތަ އެނޫންވެސް ގޮތަކުން އެކުލަވާލެވިފައިވާ، ޕޯސްޓު ކުރެވިފައިވާ ތަކެއްޗާ ގުޅުންހުރި، މައްލޫމާތެއް ހޯދުން، ނުވަތަ ދިނުން، ނުވަތަ ލިބިގަތުން، ނުވަތަ މިބާވަތުގެ އެއްވެސް އަމަލެއް ކުރުމަކީ މަނާ ކަމެކެވެ.
21 ވަނަ މާއްދާ – ޕޯސްޓުކުރާ ތަކެތީގެ މައުލޫމާތާއި ޕޯސްޓުކުރާ ތަކެއްޗާ ގުޅުންހުރި މައުލޫމާތު ހާމަކުރެވޭނެ ހާލަތު
އެއްޗެއް ޕޯސްޓުކުރެވިފައިވާކަން ނުވަތަ ނުވާކަން، ނުވަތަ ޕޯސްޓުކުރެވިފައިވާ އެއްޗެއްގައި ހިމެނެނީ ކޮންއެއްޗެއްކަން، ނުވަތަ ޕޯސްޓުކުރާ ތަކެއްޗާ ގުޅުންހުރި މައްލޫމާތު، ހިދްމަތްދޭ ފަރާތުގެ މުވައްޒަފަކު، ނުވަތަ އެޖެންޓަކު، ތިރީގައިމިވާ ހާލަތުތަކުންކުރެ ހާލަތެއްގައި މެނުވީ، އެއްވެސް ފަރާތަކުން ހާމަކޮށްގެން ނުވާނެއެވެ.
- މުވައްޒަފެއްގެ ހައިސިއްޔަތުން އެ މުވައްޒަފަކު އަދާކުރަންޖެހޭ ވާޖިބު އަދާކުރުމުގައި؛
- ގާނޫނު ހުއްދަ ކޮށްފައިވާނަމަ، އެ ހުއްދަ ކޮށްފައިވާ ގޮތަކަށް، އަދި އެ ހުއްދަ ކޮށްފައިވާ މިންވަރަކަށް؛
- ށަރްއީ މަޖިލީހެއްގައި ދޭ ހެކިބަހެއްގައި؛
- ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދު ތަންފީޒުކުރާ ފަރާތަކުން ބަލަމުންގެންދާ މައްސަލައަކަށް ބޭނުންވެއްޖެ ހިނދެއްގައި އެފަރާތަކަށް.
22 ވަނަ މާއްދާ – ހުއްދަ ނޫން ފަރާތްތަކުން ޕޯސްޓުގެ ހިދުމަތާ ގުޅުންހުރި ކަންތައްތައް ކުރުން
ހުއްދަ ކުރެވިފައިވާ ފަރާތަކުން މެނުވީ، ތިރީގައިމިވާ ކަންކަމުގެ ތެރެއިން އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.
- ޕޯސްޓުގެ ހިދްމަތްދޭ އިދާރާއެއްގެ މުވައްޒަފެއް ނޫން މީހަކު، ތިމާއަކީ އެފަދަ އިދާރާއެއްގެ މުވައްޒަފެއްކަމަށް ބުނުން، ނުވަތަ އެފަދަ ތަސައްވުރެއް ލިބޭފަދަ އެއްވެސް އަމަލެއް ކުރުން؛
- ޕޯސްޓުގެ ހިދްމަތްދޭ ގައުމީ އިދާރާއެއްގެ އެޖެންޓެއްކަން، ނުވަތަ ފްރެންޗައިސެއްކަން، ނުވަތަ ކޮންޓްރެކްޓަރެއްކަމަށް ބުނުން، ނުވަތަ އެއިންކަމެއް ދޭހަކޮށްދޭފަދަ ނިށާނެއް ބެހެއްޓުން، ނުވަތަ އެފަދަ އެއްޗެއް ބޭނުން ކުރުން؛
- ޕޯސްޓުގެ ހިދްމަތްދޭ އިދާރާއެއްކަން އަންގައިދޭ ވިޔަފާރި ނަމެއް، ނުވަތަ މަރުކާއެއް، ނުވަތަ ނިށާނެއް، ނުވަތަ ފާހަގައެއް، ނުވަތަ ޔުނިފޯމެއް، ނުވަތަ އެނޫންވެސް އެ އިދާރާއާ ގުޅުން ހުރިކަން ދޭހަކޮށްދޭ އެއްޗެއް، އޮޅުވާލުމުގެގޮތުން ނުވަތަ ވިޔަފާރީގެ ގޮތުގައި ބޭނުން ކުރުން.
23 ވަނަ މާއްދާ – ޕޯސްޓުން ފޮނުވުން މަނާ ތަކެތި
ޕޯސްޓުގެ ހިދްމަތްދޭ ފަރާތެއް މެދުވެރިކޮށް، އަންނަނިވި ބާވަތުގެ އެއްޗެއް އެއްވެސް ފަރާތަކުން ފޮނުވައިގެން ނުވާނެއެވެ.
- އިސްލާމްދީނާ އިދިކޮޅު ލިޔުންތަކާއި، އެހެން ދީނެއް ފެތުރުމަށް ބާރުއަޅާ ތަކެތި؛
- އެއްވެސް ބާވަތެއްގެ މަސްތުވާ ތަކެތި؛
- އެއްވެސް ބައްޔެއްޖެހިދާނެ، ނުވަތަ ފެތުރިދާނެފަދަ ބަޔޮލޮޖިކަލް، ނުވަތަ ކެމިކަލްގެ ބާވަތެއް؛
- ގޮވާ ނުވަތަ އަމިއްލަ ޒާތުގައި ހުޅުހިފާފަދަ ތަކެތި، ނުވަތަ އެނޫންވެސް އެފަދަ ނުރައްކާތެރި ތަކެތި؛
- ރޭޑިއޯ އެކްޓިވް ތަކެތި؛
- އޮރިޔާން މަންޒަރު ދައްކުވައިދޭ ތަކެތި؛
- ޕޯސްޓުގެ ހިދްމަތްދޭ ފަރާތުން ހުއްދަ ކޮށްފައި ނުވާ ގޮތަކަށް ފޮނުވާ ދިރޭ ތަކެތި؛
- ޕޯސްޓުގެ ހިދްމަތްދޭ ފަރާތުގެ މުދަލަކަށް، ނުވަތަ ތަކެއްޗަށް ނުވަތަ މުވައްޒަފަކަށް ގެއްލުމެއް ލިބިދާފަދަ އެއްޗެއް؛
- ޕޯސްޓުކުރެވޭ ތަކެތި އުފުލައިދޭ ފަރާތުގެ މުދަލަކަށް، ނުވަތަ ތަކެއްޗަށް ނުވަތަ މުވައްޒަފަކަށް ގެއްލުމެއް ލިބިދާފަދަ އެއްޗެއް؛
- އެ އެއްޗެއް ރައްދުވާ ގައުމުގެ ގާނޫނާއި ގަވާއިދާ ހިލާފު އެއްޗެއް؛
- އެ އެއްޗެއް ރައްދުވާ ފަރާތަށް ދުއްތުރާވާ އެއްޗެއް.
24 ވަނަ މާއްދާ – ހާއްސަގޮތަކުން ހުއްދަކުރެވޭ ތަކެތި
(ހ) މި ގާނޫނުގެ 23 ވަނަ މާއްދާގައި ބުނާ ތަކެތީގެ ތެރެއިން ބޭސް، ނުވަތަ ބަޔޮލޮޖިކަލް، ނުވަތަ ރޭޑިއޯ އެކްޓިވް ތަކެތި، ފަންނީ ބޭނުންތަކަށް އަންނަނިވި ފަރާތްތަކަށް ފޮނުވިދާނެއެވެ.
- ދިވެހިރާއްޖޭގައި ބޭސްފަރުވާކުރަން ހުއްދަކުރެވިފައިވާ ޑޮކްޓަރުންނަށާއި، ކްލިނިކްތަކަށާއި، އިދާރާ ތަކަށް؛
- މި މާއްދާގެ (ހ) ގެ (1) ގައިވާ ފަރާތްތަކުގެ އިތުރުން، މިނިސްޓަރު ލިޔުމަކުން ހުއްދަ ދޭ ފަރާތްތަކަށް.
(ށ) މި މާއްދާގެ( ހ) ގެ ދަށުން ފޮނުވާ ތަކެތި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ފާހަގަ ކުރެވިފައި ހުންނަންވާނެއެވެ.
25 ވަނަ މާއްދާ – އިންށުއަރެންސް ކޮށްގެން މެނުވީ ފޮރުވުން މަނާ ތަކެތި
އިންށުއަރެންސް ކޮށްފައިވާ ޕާރުސަލެއްގައި މެނުވީ، ޖަވާހިރު، ރަން، ރިހި، ފައިސާ، ނުވަތަ ހިފައިގެންދާ މީހާއަށް ފައިސާ ނެގިދާފަދަ މާލީ ލިޔުމެއް (ސެކިއުރިޓީސް)، ނުވަތަ އެނޫންވެސް އެފަދަ އަގުބޮޑު އެއްޗެއް ފޮނުވައިގެން ނުވާނެއެވެ.
26 ވަނަ މާއްދާ – ޕޯސްޓުގެ ހިދުމަތްދޭ ފަރާތަކަށް ބިރު ދެއްކުން
ގޮވާ އެއްޗެއް، ނުވަތަ އެ އެއްޗަކުން ބަލި ފެތުރޭފަދަ އެއްޗެއް، ނުވަތަ އެނޫންވެސް ނުރައްކާތެރި އެއްވެސް އެއްޗެއް، ޕޯސްޓުން ފޮނުވާނެކަމަށް، ނުވަތަ ފޮނުވައިފިކަމަށް، ނުވަތަ ޕޯސްޓުގެ ހިދްމަތްދޭ އިދާރާއެއްގެ ތެރޭގައި، ނުވަތަ އެފަދަ އިދާރާއެއްގެ ކައިރީގައި ބަހައްޓައިފި ކަމަށް ބުނެ، ބިރު ދެއްކުމަކީ މަނާކަމެކެވެ.
27 ވަނަ މާއްދާ - ކުއްލި ނުރައްކަލުގެ ހާލަތު
ގާނޫނުއަސާސީގައިވާ ގޮތުގެމަތިން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށްފަހު، އެ ހާލަތު ދެމިއޮންނަ މުއްދަތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަމުރަކުން، ޕޯސްޓުގެ ހިދްމަތް ދިނުމަށް ކޮންމެ ފަރާތަކަށްވެސް ހުއްދަ ދެވިދާނެއެވެ. އަދި ޕޯސްޓުގެ ހިދްމަތް ދިނުމަށް ހުއްދަ ދެވިފައިވާ ފަރާތަކަށް އެ ހިދްމަތް މެދުކަނޑާލުމަށް، ނުވަތަ ހުއްޓާލުމަށް، ނުވަތަ ވަކި އުސޫލަކުން އެ ހިދްމަތް ފޯރުވައި ދިނުމަށްވެސް އެންގިދާނެއެވެ.
28 ވަނަ މާއްދާ - އަދަބު
(ހ) މި ގާނޫނުގެ 15 ވަނަ މާއްދާގެ (1) އާއި، (2) އާ ހިލާފުވެއްޖެ މީހެއްގެ އަދަބަކީ، އެމީހަކު އުފެއްދި ސްޓޭމްޕުގައި އެކުލެވޭ ޖުމުލައަގުން ޖޫރިމަނާ ކުރުމާއެކު، 2 އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުމެވެ.
(ށ) މި ގާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންވެފައިވާ އެހެން ކަންކަމާ ހިލާފުވެއްޖެ މީހެއްގެ އަދަބަކީ، 2 އަހަރަށްވުރެ ދިގުނޫން
މުއްދަތަކަށް ޖަލަށްލުން، ނުވަތަ 50,000 (ފަންސާސްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ.
(ނ) މި ގާނޫނުގެ 16 ވަނަ މާއްދާއާ ހިލާފުވެއްޖެ މީހެއްގެ އަދަބަކީ، ވައްކަމުގެ، ނުވަތަ ހިޔާނާތުގެ، ނުވަތަ މަކަރާއި، ހީލަތް ހެދުމުގެ ކުށަށް ކަނޑައެޅިފައިވާ އަދަބެވެ.
(ރ) މި ގާނޫނުގެ 17 ވަނަ މާއްދާއާއި، 18 ވަނަ މާއްދާއާއި، 19 ވަނަ މާއްދާއާއި، 20 ވަނަ މާއްދާއާއި، 21 ވަނަ މާއްދާއާއި، 22 ވަނަ މާއްދާއާ ހިލާފުވެއްޖެ މީހެއްގެ އަދަބަކީ، 2 އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން، ނުވަތަ 50,000 (ފަންސާސްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ.
(ބ) މި ގާނޫނުގެ 23 ވަނަ މާއްދާގެ 1 އާ ހިލާފުވެއްޖެ މީހެއްގެ އަދަބަކީ، 1 އަހަރާއި، 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
(ޅ) މި ގާނޫނުގެ 23 ވަނަ މާއްދާގެ 2، 3، 4، 5 އާ ހިލާފުވެއްޖެ މީހެއްގެ އަދަބަކީ، 10 އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން، ނުވަތަ 500,000 (ފަސްލައްކަ) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ.
(ކ) މި ގާނޫނުގެ 23 ވަނަ މާއްދާގެ 6، 7، 8، 9، 10، 11 އާ ހިލާފުވެއްޖެ މީހެއްގެ އަދަބަކީ، 2 އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން، ނުވަތަ 50,000 (ފަންސާސްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ.
(އ) މި ގާނޫނުގެ 25 ވަނަ މާއްދާއާ ހިލާފުވެއްޖެ މީހެއްގެ އަދަބަކީ، 6 މަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން، ނުވަތަ 25,000 )(ފަންސަވީސްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ. 25 ވަނަ މާއްދާއިން މަނާކޮށްފައިވާ އަމަލު ކޮށްފައިވަނީ، ސަރުކާރަށް ދައްކަންޖެހޭ ފީއެއް، ޓެކުހެއް، ޑިއުޓީއެއް، ނުވަތަ ފައިސާއެއް ނުދެއްކުމުގެ މަގްސަދުގައިނަމަ، އެ ކުށްކުރި މީހެއްގެ އަދަބަކީ، 3 އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން، ނުވަތަ 150,000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ.
(ވ) މި ގާނޫނުގެ 26 ވަނަ މާއްދާއާ ހިލާފުވެއްޖެ މީހެއްގެ އަދަބަކީ، 3 އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން، ނުވަތަ 100,000 (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ.
(މ) މި ގާނޫނުގައި މަނާކޮށްފައިވާ އަމަލެއް ކުރުމުގެ ސަބަބުން، މި ގާނޫނުގެ ދަށުން ކަނޑައެޅޭ އަދަބުގެ އިތުރަށް، އެކުރި އަމަލެއްގެ ސަބަބުން ލިބުނު، ގެއްލުމުގެ ބަދަލު ދޭންވާނެއެވެ.
29 ވަނަ މާއްދާ - މާނަ
"މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، އެއިރަކު ދިވެހިރާއްޖޭގައި ޕޯސްޓުގެ ހިދްމަތް ދިނުމާބެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުމާ ހަވާލުވެހުރި މިނިސްޓަރަށެވެ.
"ޕޯސްޓުގެ ހިދްމަތް" ކަމަށް ބުނެފައި އެވަނީ، ޕޯސްޓާއި ކުރިއަރ ހިދްމަތްވެސް ހިމެނޭ ގޮތަށެވެ.
"ޕޯސްޓުގެ ހިދްމަތް ދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ޕޯސްޓާއި ކުރިއަރ ހިދްމަތް ދޭ ސަރުކާރުގެ ފަރާތްތަކާއި އަމިއްލަ ފަރާތްތައްވެސް ހިމެނޭގޮތަށެވެ.
ކިޔުންތެރިންގެ ހިޔާލު