ސިފައިންގެ ގާނޫނު
(ގާނޫނު ނަންބަރު 2008-01)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ދިވެހިރާއްޖޭގެ ސިފައިންގެ މަސްއޫލިއްޔަތުތަކާއި، ވާޖިބުތަކާއި، ތަބާވާންޖެހޭ ހަމަތަކާއި، އުސޫލުތަކާއި، ލިބިދީފައިވާ ބާރުތަކާއި، ހިމާޔަތްތަކާއި، އިނާޔަތްތަކާއި، ސިފައިންގެ ބާރުތައް ހިންގުމާއި، އެބާރުތައް ބެހިފައިވާގޮތާއި، އަދި ދިވެހިރާއްޖޭގެ ސިފައިންނާބެހޭ މިނޫންވެސް އެންމެހާ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.
(ށ) މިގާނޫނަށް ކިޔާނީ "ސިފައިންގެ ގާނޫނު" އެވެ.
2 ވަނަ މާއްދާ - ސިފައިންގެ މަގްސަދު
ސިފައިންގެ މައިގަނޑު މަގްސަދުތައް ތިރީގައި މިވަނީއެވެ.
(ހ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ދިވެހި ދައުލަތް ހިމާޔަތްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން؛
(ށ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެމަތިން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ މިނިވަންކަމާއި އިސްތިގްލާލް އަދި ސިޔާދަތު ހިމާޔަތްކޮށް ދިފާއުކުރުން؛
(ނ) ދިވެހިރާއްޖޭގެ ގާނޫނީ ވެރިކަމަށް އުނިކަމެއް އަތުވެދާނެ ގާނޫނާ ހިލާފު ކޮންމެކަމަކުން ދިވެހިރާއްޖޭގެ ގާނޫނީ ވެރިކަން ހިމާޔަތްކުރުން؛
(ރ) ދިވެހި ދައުލަތަށް ދިމާވާ ކުއްލި ހާލަތްތަކުގައި އަވަސް އަދި ކުއްލި ހިދްމަތް ފޯރުކޮށްދިނުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ ކަންތައް ކުރުން.
3 ވަނަ މާއްދާ - ސިފައިންގެ ހުވާ
(ހ) މިގާނޫނުގެ ދަށުން ސިފައިން އަދާކުރަންޖެހޭ އެންމެހާ ވާޖިބުތައް އަދާކޮށް، އުފުލަންޖެހޭ މަސްއޫލިއްޔަތުތައް ޒިންމާދާރުގޮތެއްގައި އަދާކުރުމަށް މިގާނޫނުގެ ޖަދުވަލު 1 ގައިވާ ހުވާ ސިފައިންގެ ކޮންމެ މީހަކުވެސް ކުރަންޖެހޭނެއެވެ.
(ށ) މިމާއްދާގެ (ހ) ގައި ބުނެފައިވާ ސިފައިންގެ ހުވާގެ މަތީގައި ދެމިތިބުމަކީ ސިފައިންގެ ކޮންމެ މީހަކަށްމެ ވާޖިބުކަމެކެވެ.
4 ވަނަ މާއްދާ - ސިފައިންގެ ލަށްކަރު
މިގާނޫނާއި މިގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން، ސިފައިންގެ ލަށްކަރެއް ދިވެހިރާއްޖޭގައި އޮންނަންވާނެއެވެ.
5 ވަނަ މާއްދާ - ސިފައިންގެ ދައުރު
(ހ) ސިފައިންނަކީ މިގާނޫނާއި، މިގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތަށް ސިފައިން އަދާކުރަން ހަމަޖެހިފައިވާ އެންމެހާ މަސްއޫލިއްޔަތުތަކާއި، ވާޖިބުތަކާއި، ޒިންމާތައް އަދާކުރުމަށްޓަކައި ދިވެހި ދައުލަތުން އުފައްދާފައިވާ ގުޅިފައިވާ އަސްކަރީ ބާރުތަކެވެ.
(ށ) ސިފައިންނަކީ އަސްކަރީ ބައެކެވެ.
6 ވަނަ މާއްދާ - ސިފައިން ބެހިގެންވާ މައިގަނޑު ބައިތައް
(ހ) މިގާނޫނުގެ 5 ވަނަ މާއްދާގައި ބުނެފައިވާ އަސްކަރީ ބާރުތަކުގެ ތެރޭގައި ހިމެނެނީ، އެއްގަމާއި، ކަނޑާއި، ވައިގެ ސަލާމަތީ ކަންކަން ބަލަހައްޓާ ސިފައިންގެ ބާރުތަކެވެ.
(ށ) މިމާއްދާގެ (ހ) ގައި ބުނެފައިވާ އަސްކަރީ ބާރުތައް އެކިގޮތްގޮތަށް ބެހުމާއި، ރޭވުމާއި، އަދި ބަދަލުގެނައުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.
(ނ) މިމާއްދާގެ (ހ) ގައި ބުނެފައިވާ އަސްކަރީ ބާރުތަކަށް އުނި އިތުރު ގެނައުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.
7 ވަނަ މާއްދާ - ސިފައިންގެ މަސްއޫލިއްޔަތުތައް
ސިފައިންގެ މަސްއޫލިއްޔަތުތައް ތިރީގައި މިވަނީއެވެ.
(ހ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ދިވެހި ދައުލަތް ދިފާއުކޮށް ހިމާޔަތްކުރުން؛
(ށ) ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދިފާއުކޮށް ހިމާޔަތްކުރުމާއި، ގައުމީ މަސްލަހަތު ހިމާޔަތްކޮށް، ރައްކާތެރިކަމާއެކު ދެމެހެއްޓުން؛
(ނ) ދިވެހިރާއްޖޭގެ ސަރަހައްދާއި، ހާއްސަ އިގްތިސާދީ ސަރަހައްދު ދިފާއުކޮށް، ރައްކާތެރިކަމާއެކު ބެލެހެއްޓުން؛
(ރ) ދިވެހިރާއްޖެއަށް ދިމާވާ ގުދުރަތީ ކާރިސާތަކާއި އަދި އެނޫންވެސް ނުރައްކާތެރި ބޮޑެތި ހާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގައި، ސަރުކާރުގެކަމާބެހޭ ފަރާތްތަކާ ގުޅިގެން އިސްވެ ހަރަކާތްތެރިވުން؛
(ބ) އަލިފާން ނިއްވުމުގެ ހިދްމަތްދީ އަލިފާނުގެ ހާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުން؛
(ޅ) ކަނޑުމަތީގައި ހާލުގައި ޖެހޭ މީހުން ހޯދައި ސަލާމަތްކުރުމާއި، ކަނޑާއި އެއްގަމުގައި ދިމާވާ ނުރައްކާތެރި ހާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުން؛
(ކ) ދިވެހިރާއްޖޭގެ ކަނޑާއި ވައިގެ ބަނދަރުތަކުގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަން ބެލެހެއްޓުން؛
(އ) ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދިފާއުކޮށް ހިމާޔަތްކުރުމާބެހޭ ސިޔާސަތުތައް އެކަށައެޅުމުގައި، ސަރުކާރަށް ލަފާދީ އެހީތެރިވުން؛
(ވ) ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދިފާއުކޮށް ހިމާޔަތްކުރުމަށާއި، އަދި ގައުމީ ސަލާމަތަށް ނުރައްކަލެއް ނުވަތަ އުނިކަމެއް އަތުވެދާނެ ކަންކަމާބެހޭ މައްލޫމާތު ހޯދައި، އެއްކޮށް، ދިރާސާކޮށް، އެކަންކަމާބެހޭގޮތުން ގާނޫނުގައިވާ ގޮތުގެމަތިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛
(މ) ދިވެހިރާއްޖޭގެ އިއްޒަތާއި، ކަރާމަތް އަދި ދިވެހި ދައުލަތުގެ ށާނާއި ށައުކަތު ދައްކުވައިދިނުމަށްޓަކައި މަސައްކަތްކުރުމާއި، ބައިނަލްއަގްވާމީ ނުވަތަ ގައުމީ ނުވަތަ ރަސްމީ އިހްތިފާލްތަކުގައި ސިފަވަންތަ ހެވިކަމުގެ ހަރަކާތްތަކާއި އަސްކަރީ ހަރަކާތްތައް ތަމްސީލުކުރުން؛
(ފ) ސިފައިންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާނެ އާލާތްތަކާއި ވަސީލަތްތައް ހޯދައި، އެތަކެތީގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ކުރެވޭނެ ގޮތަށް ރައްކާތެރިކަމާއެކު ބެލެހެއްޓުން؛
(ދ) ސިފައިންގެ ހިދުމަތް އޭގެ އެންމެ އެކަށީގެންވާ ފެންވަރުގައި ދެމެހެއްޓުމަށް ބޭނުންވާ ދިރާސާކުރުމާއި މިކަމާގުޅޭގޮތުން ރައްޔިތުންގެ މަޖިލީހާ މަށްވަރާކުރުމާއި، އެ ދިރާސާތަކުގެ އަލީގައި ކުރިމަގަށް އަމާޒުކޮށް ހިދުމަތް ރާވައި ފަރުމާކުރުން؛
(ތ) ސިފައިންނަކީ އިލްމާއި ހުނަރު ލިބިފައިވާ ކެރޭ ހުށިޔާރު، ގާބިލު ބަޔަކަށް ހެދުމާއި، އަދި މަސްއޫލިއްޔަތު އަދާކުރުމުގައި ފަސްނުޖެހި ގައުމަށްޓަކައި ގުރުބާންވާން އަބަދުވެސް ތައްޔާރަށް ތިބޭ ތެދުވެރި، ވަފާތެރި ބަޔަކަށް ހެދުމާއި، އެކަމަށްޓަކައި ދޭންޖެހޭ ތައްލީމާއި ތަމްރީން ދިނުން؛
(ލ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ދިވެހިރާއްޖޭގެ ގާނޫނުތަކުގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ ދިފާއާއި ސަލާމަތާބެހޭ ކަންކަންކުރުމަށް މަސްއޫލުވާ ވުޒާރާއިން ހިންގާ ބެލެހެއްޓުމަށް އެގާނޫނުތަކުގައި ލާޒިމްކުރާ ކަންތައްތަކުގެ ތެރެއިން ސިފައިންނާ ހަވާލުކުރާ އެންމެހާ ކަންތައްތައް ކުރުން؛
8 ވަނަ މާއްދާ - ސިފައިންގެ ވާޖިބުތައް
ސިފައިންގެ މައިގަނޑު ވާޖިބުތައް ތިރީގައި މިވަނީއެވެ.
(ހ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ދިވެހި ދައުލަތާއި އިސްލާމްދީން ދިފާއުކުރުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމުގައި ދެމިތިބެ ދުށްމަނުންނާއި ބަގާވާތްތެރިންގެ ކިބައިން ދިވެހިރާއްޖެ ސަލާމަތްކުރުމުގައި ހަށިގަނޑާއި ފުރާނައިން ގުރުބާންވުމަށް ތައްޔާރަށް ތިބެންޖެހޭ ބައެއް ކަމުގައިވުން؛
(ށ) ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބާ ކިޔަމަންތެރިވާންޖެހޭ ބައެއް ކަމުގައިވުން؛
(ނ) ދިވެހިރާއްޖޭގެ ގާނޫނުއަސާސީއަށާއި ގާނޫނަށާއި ސިފައިންގެ ގަވާއިދުތަކަށާއި އުސޫލުތަކަށާއި މިކަންކަމާއެއްގޮތަށް ވެރިން އަންގާ އެންގުންތަކަށާއި ކުރާ އަމުރުތަކަށް ފަސްޖެހުމެއްނެތި ކިޔަމަންތެރިވާ ބައެއް ކަމުގައިވުން؛
(ރ) ސިފައިންގެ އިއްޒަތާއި ކަރާމާތް ހިފެހެއްޓުމުގެ ގޮތުން ގެންގުޅޭ އެންމެހާ ރިވެތި އާދަކާދަތަކާއި އުސޫލުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުން؛
(ބ) ހަވާލުކުރެވޭ ކޮންމެ ރަސްމީ މަސައްކަތެއްވެސް ފަރުވާތެރިކަމާއި ރައްކާތެރިކަމާއި އިހްލާސްތެރިކަމާއެކު އަދާކުރުން؛
(ޅ) ކަނޑައެޅި ވަކި އަމުރެއް ނައިކަމުގައިވިނަމަވެސް، ސިފައިންގެ މީހަކަށްވީތީ އަދާކުރަންޖެހޭ ކޮންމެ ވާޖިބެއްވެސް ތިމާއަށް ކުރެވުނު އެންމެ ފުރިހަމައަކަށް އަދާކުރުން.
9 ވަނަ މާއްދާ - ސިފައިންގެ އެންމެމަތީ ވެރިޔާ
(ހ) ސިފައިންގެ އެންމެމަތީ ވެރިޔަކީ، ރައީސުލްޖުމްހޫރިއްޔާއެވެ.
(ށ) ކޮންމެ ހިނދެއްގައިވެސް ވަކިވަކި ސިފައިންނަށް ނުވަތަ ސިފައިންގެ ބަޔަކަށް ނުވަތަ އެންމެހާ ސިފައިންނަށް ސީދާ އަމުރުކުރުމުގެ ބާރު ސިފައިންގެ އެންމެމަތީ ވެރިޔާއަށް ލިބިގެންވެއެވެ.
(ނ) ދިވެހިރާއްޖޭގެ ދިފާއީ ހިދްމަތްދޭ ބާރުތަކުގެ ނަން ކަނޑައަޅާނީ މިނިސްޓަރުގެ ލަފާގެ މަތިން ސިފައިންގެ އެންމެމަތީ ވެރިޔާއެވެ.
(ރ) މިނިސްޓަރަށާއި، ޗީފް އޮފް ޑިފެންސް ފޯސް، އަދި ސިފައިންގެ އެހެންވެސް ވެރިއަކަށް ލިބިދޭ ގާނޫނީ ބާރާއި އިހްތިޔާރުގެ ބޭނުން، ކޮންމެ ހިނދެއްގައިވެސް ހިފުމުގެ ބާރު ސިފައިންގެ އެންމެމަތީ ވެރިޔާއަށް ލިބިގެންވެއެވެ.
10 ވަނަ މާއްދާ - މިނިސްޓަރު
(ހ) ސިފައިންގެ އެންމެމަތީ ވެރިޔާ އެހެން ގޮތަކަށް ކަނޑައަޅައި އާންމު ނުކުރާހާ ހިނދަކު، ސިފައިންނާބެހޭ އެންމެހާ ކަންތައްތައް ރާވައި ހިންގާ އެންމެ އިސްވެރިޔަކީ، މިނިސްޓަރެވެ.
(ށ) ސިފައިންގެ މަސްއޫލިއްޔަތުތައް ތަންފީޒުކުރުމަށް ބޭނުންވާ ބައިތަކާއި އެބައިތަކުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކަނޑައަޅާނީ މިނިސްޓަރެވެ.
(ނ) ސިފައިންގެ އެންމެމަތީ ވެރިޔާގެ އަމުރާ ހިލާފުނުވާ ގޮތެއްގެ މަތިން ކޮންމެ ހިނދެއްގައިވެސް ވަކިވަކި ސިފައިންނަށް ނުވަތަ ސިފައިންގެ ބަޔަކަށް ނުވަތަ އެންމެހާ ސިފައިންނަށް ސީދާ އަމުރުކުރުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.
(ރ) ސިފައިންގެ އެންމެމަތީ ވެރިޔާ ފިޔަވައި، ސިފައިންގެ އެހެންވެސް ވެރިއަކަށް ލިބިދޭ ގާނޫނީ ބާރާއި އިހްތިޔާރުގެ ބޭނުން، ސިފައިންގެ އެންމެ މަތީ ވެރިޔާގެ އަމުރާ ހިލާފުނުވާ ގޮތެއްގެމަތިން، ކޮންމެ ހިނދެއްގައިވެސް ހިފުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.
(ބ) ސިފައިންގެ މައްޗަށް މިނިސްޓަރަށް ލިބިގެންވާ އެންމެހާ ގާނޫނީ ބާރާއި އިހްތިޔާރުގެ ބޭނުން ހިފާގޮތާމެދުގައާއި މިނިސްޓަރުގެ މަސްއޫލިއްޔަތު އަދާކުރާގޮތާމެދު މިނިސްޓަރު، ސިފައިންގެ އެންމެމަތީ ވެރިޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާންވާނެއެވެ.
11 ވަނަ މާއްދާ - ޗީފް އޮފް ޑިފެންސް ފޯސް
(ހ) ދިވެހިރާއްޖޭގެ ދިފާއީ ކަންތައްތައް ހިންގުމާއި، ސިފައިންގެ ދައުރު އަދާކުރުމުގެ އެންމެހާ ކަންތައްތައް ރާވައި ދުވަހުން ދުވަހަށް ހިންގާ ބެލެހެއްޓުމުގެ އެންމެ އިސްވެރިޔަކީ، އަދި ސިފައިންގެ އަސްކަރީ ބާރުތަކުގެ ކޮމާންޑަރަކީ، ޗީފް އޮފް ޑިފެންސް ފޯސްއެވެ.
(ށ) ސިފައިންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރާގޮތާއި، ސިފައިންގެ ލަޔާގަތާއި ގާބިލިއްޔަތު އިތުރުކޮށް ދެމެހެއްޓުމަށާއި، އެކަންތައްތައް އަދާކުރާގޮތް ބެލެހެއްޓުމަށާއި ޖަވާބުދާރީވުމަށްޓަކައި އެކުލަވާލަންޖެހޭ އުސޫލުތަކާއި ނިޒާމުތައް އެކުލަވާލުމާއި، މިކަންކަމާ ގުޅޭގޮތުން ނެރެންޖެހޭ އަމުރުތައް ނެރުމާއި، އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމަކީ ޗީފް އޮފް ޑިފެންސް ފޯސްގެ މަސްއޫލިއްޔަތެކެވެ.
(ނ) ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް މީހަކު އައްޔަނުކޮށް ވަކިކުރާނީ ސިފައިންގެ އެންމެމަތީ ވެރިޔާއެވެ.
(ރ) ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އައްޔަނުކުރާ މީހަކީ ސިފައިންގެ ޖެނެރަލް އޮފިސަރުންގެ ތެރެއިން ސީނިއޮރިޓީއަށާއި، މަގާމުގެ ވާޖިބު އަދާކުރުމުގެ ގާބިލްކަމަށް އިސްކަންދީގެން އައްޔަނުކުރާ މީހަކަށްވާންޖެހޭނެއެވެ.
(ބ) ސިފައިންގެ މައްޗަށް ޗީފް އޮފް ޑިފެންސް ފޯސްއަށް ލިބިގެންވާ އެންމެހާ ގާނޫނީ ބާރާއި، އިހްތިޔާރުގެ ބޭނުން
ހިފާގޮތާމެދުގައާއި އޭނާގެ މަސްއޫލިއްޔަތު އަދާކުރާގޮތާމެދު އޭނާ، މިނިސްޓަރަށް ޖަވާބުދާރީވާން ޖެހޭނެއެވެ.
12 ވަނަ މާއްދާ - ވައިސް ޗީފް އޮފް ޑިފެންސް ފޯސް
(ހ) ދިވެހިރާއްޖޭގެ ދިފާއީ ކަންތައްތައް ހިންގުމާއި، ސިފައިންގެ ދައުރު އަދާކުރުމުގެ އެންމެހާ ކަންތައްތައް ރާވައި ދުވަހުން ދުވަހަށް ހިންގާ ބެލެހެއްޓުމުގައި ޗީފް އޮފް ޑިފެންސް ފޯސްއަށް އެހީތެރިވެދިނުމަށްޓަކައި، ސިފައިންގެ ޖެނެރަލް އޮފިސަރުންގެ ތެރެއިން ވައިސް ޗީފް އޮފް ޑިފެންސް ފޯސްއެއް އައްޔަނުކުރުމުގެ އިހްތިޔާރު ސިފައިންގެ އެންމެ މަތީ ވެރިޔާއަށް ލިބިގެންވެއެވެ.
(ށ) ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މައިގަނޑު މަސްއޫލިއްޔަތަކީ، ޗީފް އޮފް ޑިފެންސް ފޯސްގެ މަސްއޫލިއްޔަތުގެ ތެރެއިން ޗީފް އޮފް ޑިފެންސް ފޯސްގެ މަށްވަރާއާއެކު މިނިސްޓަރު ކަނޑައަޅާ ލިޔުމުން ހަވާލުކުރާ ކަންކަމެވެ.
(ނ) ޗީފް އޮފް ޑިފެންސް ފޯސް ނެތުމުން، ނުވަތަ ސަސްޕެންޑްވުމުން، ނުވަތަ އޭނާގެ މަސްއޫލިއްޔަތު އަދާކުރުމަށް ނުކުޅެދުމުން، ނުވަތަ އެހެންވެސް ސަބަބަކާހުރެ އޭނާގެ މަގާމު ހުސްވުމުން، މިގާނޫނާއި މިގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގެ ދަށުން ޗީފް އޮފް ޑިފެންސް ފޯސް މަސްއޫލުވާ އެންމެހާ ކަންކަން ކުރުމާއި، ލިބިފައިވާ ބާރު ވައިސް ޗީފް ޑިފެންސް ފޯސްއަށް ލިބިގެންވެއެވެ.
13 ވަނަ މާއްދާ - ގައުމީ ސަލާމަތާބެހޭ މަޖިލިސް
(ހ) ގައުމީ ސަލާމަތާގުޅޭ އެންމެހާ ކަންތައްތަކުގައި ސިފައިންގެ އެންމެމަތީ ވެރިޔާއަށް ލަފައާއި މަށްވަރާދިނުމަށްޓަކައި ގައުމީ ސަލާމަތާބެހޭ މަޖިލީހެއް އޮންނަންވާނެއެވެ. މިމަޖިލީހުގެ ރިޔާސަތު ބަލަހައްޓާނީ ސިފައިންގެ އެންމެ މަތީ ވެރިޔާއެވެ. ސިފައިންގެ އެންމެމަތީ ވެރިޔާއަށް މިމަޖިލީހުގެ ބައްދަލުވުމެއްގައި ބައިވެރިވެވެން ނެތް ހާލަތެއްގައި، ރިޔާސަތު ބެލެހެއްޓުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ނުވަތަ މިނިސްޓަރާ ހަވާލުކުރުމުގެ އިހްތިޔާރު ސިފައިންގެ އެންމެމަތީ ވެރިޔާއަށް ލިބިގެންވެއެވެ.
(ށ) ގައުމީ ސަލާމަތާބެހޭ މަޖިލިސް އެކުލެވިގެންވާނީ، ސިފައިންގެ އެންމެމަތީ ވެރިޔާއާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބަކު ހުރިނަމަ ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި، މިނިސްޓަރާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒާއި، މިނިސްޓަރ އޮފް ހޯމްއެފެއާޒާއި، މިނިސްޓަރ އޮފް އެޓޮލްސް ޑިވެލޮޕްމަންޓާއި، އެޓަރނީ ޖެނެރަލާއި، ޗީފް އޮފް ޑިފެންސް ފޯސްގެ މައްޗަށެވެ.
(ނ) މިމާއްދާގެ (ށ) ގައި ބުނެފައިވާ ފަރާތްތަކުގެ އިތުރުން ގައުމީ ސަލާމަތާބެހޭ މަޖިލިސް ބާއްވާ ކަމަކާގުޅޭ ގޮތުން ސިފައިންގެ އެންމެމަތީ ވެރިޔާއަށް ފެންނަ އެހެން ފަރާތްތަކެއް އެބައްދަލުވުމުގައި ހަމައެކަނި ލަފާދިނުމަށް ބައިވެރި ކުރުމުގެ އިހްތިޔާރު ސިފައިންގެ އެންމެމަތީ ވެރިޔާއަށް ލިބިގެންވެއެވެ.
14 ވަނަ މާއްދާ - ސިފައިންގެ ލަފާދޭ މަޖިލިސް
(ހ) ސިފައިންގެ އިދާރީ އަދި އޮޕަރޭށަނަލް ކަންކަމުގެ ސިޔާސަތު ކަނޑައެޅުމުގައި މިނިސްޓަރަށާއި ޗީފް އޮފް ޑިފެންސްފޯސްއަށް މަށްވަރާއާއި ލަފާދިނުމަށް ސިފައިންގެ ލަފާދޭ މަޖިލީހެއް، ސިފައިންގެ އިސް އޮފިސަރުންގެ ތެރެއިން މިނިސްޓަރު އައްޔަނު ކުރަންވާނެއެވެ. މިމަޖިލީހުގެ ރިޔާސަތު ބަލަހައްޓާނީ ޗީފް އޮފް ޑިފެންސް ފޯސްއެވެ.
(ށ) ސިފައިންގެ އިދާރީ ކަންކަމުގެ ސިޔާސަތު ކަނޑައެޅުމުގައި މިމާއްދާގެ (ހ) ގައި ބުނެފައިވާ މަޖިލީހުގައި މިނިސްޓަރަށާއި ޗީފް އޮފް ޑިފެންސް ފޯސްއަށް ހަމައެކަނި މަށްވަރާ ދިނުމުގެ ގޮތުން ދިވެހިރާއްޖޭގެ ދިފާއާ ސަލާމަތާބެހޭ ކަންކަން ކުރުމަށް މަސްއޫލުވާ ވުޒާރާގެ އެންމެ އިސްވެރިންގެ ތެރެއިން މިނިސްޓަރަށް ފެންނަ ބަޔަކު ބައިވެރިކުރުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.
15 ވަނަ މާއްދާ - ސިފައިންގެ ރިޒާވް ލަށްކަރު
(ހ) މިގާނޫނުގެ 4 ވަނަ މާއްދާގައި ބުނެފައިވާ ސިފައިންގެ ލަށްކަރުގެ އިތުރުން، ސިފައިންގެ އެންމެމަތީ ވެރިޔާ ކަނޑައަޅާ ގޮތެއްގެ މަތިންނާއި، އަދި މިގާނޫނާއި މިގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ސިފައިންގެ ރިޒާވް ލަށްކަރެއް އުފައްދައި ހިންގުމަށް އެންގުމުގެ އިހްތިޔާރު ސިފައިންގެ އެންމެމަތީ ވެރިޔާއަށް ލިބިގެންވެއެވެ.
(ށ) މިމާއްދާގެ (ހ) ގައި ބުނެފައިވާ ސިފައިންގެ ރިޒާވް ލަށްކަރުގައި ހިމެނޭ މީހެއްގެ ނުވަތަ ބަޔެއްގެ މައްޗަށް މިގާނޫނުގެ ދަށުން ސިފައިންގެ މީހުންގެ މައްޗަށް ހިނގާ އެންމެހާ މާއްދާތައް ހިނގާނީ، އެ ރިޒާވް ލަށްކަރުގައި ހިމެނޭ މީހަކު ނުވަތަ ބަޔަކު އެކްޓިވް ޑިޔުޓީއަށް ނުކުތުމަށް ސިފައިންގެ އެންމެމަތީ ވެރިޔާ އެންގުމުންނެވެ.
(ނ) ސިފައިންގެ ރިޒާވް ލަށްކަރުގައި ހިމެނޭ މީހަކު ނުވަތަ ބަޔަކު، އެކްޓިވް ޑިޔުޓީއަށް ނުކުތުމަށް ސިފައިންގެ އެންމެމަތީ ވެރިޔާއަށް އެންގޭނީ ތިރީގައި ބަޔާންކޮށްފައިވާ ހާލަތުންކުރެ ހާލަތެއްގައި ސިފައިންގެ އެންމެމަތީ ވެރިޔާ ނެރޭ ހާއްސަ އަމުރަކުންނެވެ.
- ހަނގުރާމައިގެ ހާލަތުގައި ދިވެހިރާއްޖެ ދިފާއުކުރުމަށްޓަކައި؛ ނުވަތަ
- ހަނގުރާމަމަތީ ހަތިޔާރު ބޭނުންކޮށްގެން ދިވެހި ދައުލަތާ ދެކޮޅަށް ބަގާވާތެއް، ދެކޮޅުވެރިކަމެއް ނުވަތަ އެނޫންވެސް ދާހިލީ ހަމަނުޖެހުމެއް ހިންގާ ހާލަތެއްގައި ދިވެހި ދައުލަތް ދިފާއުކުރުމަށްޓަކައި؛ ނުވަތަ
- (1) ގައާއި (2) ގައި ބުނެފައިވާ ހާލަތެއް މެދުވެރިވެދާނެކަމަށް ގައުމީ ސަލާމަތާބެހޭ މަޖިލީހުން ސިފައިންގެ އެންމެމަތީ ވެރިޔާއަށް ލަފާދީފި ހާލަތެއްގައި؛ ނުވަތަ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތެއް އިއްލާންކުރުމުން؛ ނުވަތަ
- ދިވެހިރާއްޖެއަށް ދިމާވާ ގުދުރަތީ ކާރިސާއެއްގައި.
(ރ) ސިފައިންގެ ރިޒާވް ލަށްކަރުގައި ހިމެނޭ މީހަކު ނުވަތަ ބަޔަކު، އެކްޓިވް ޑިޔުޓީއަށް ނުކުތުމަށް ސިފައިންގެ އެންމެމަތީ ވެރިޔާއަށް އެންގޭނީ މިމާއްދާގެ (ނ) ގައި ބުނެފައިވާ ހާލަތެއްގައި ސިފައިންގެ އާންމު ލަށްކަރުގައިތިބި ސިފައިން އެހާލަތަކަށް ނުފުދޭނެކަމަށް ސިފައިންގެ އެންމެ މަތީ ވެރިޔާއަށް ފެނިއްޖެނަމައެވެ.
(ބ) މިމާއްދާގެ (ނ) އަދި (ރ) ގައި ބުނެފައިވާ ގޮތުގެމަތިން، ސިފައިންގެ ރިޒާވް ލަށްކަރުގައި ހިމެނޭ މީހަކު ނުވަތަ ބަޔަކު އެކްޓިވް ޑިއުޓީއަށް ނުކުތުމަށް ސިފައިންގެ އެންމެމަތީ ވެރިޔާ އެންގި ސަބަބު ގާނޫނުއަސާސީން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ނުވަތަ މިފަދަ މުއްދަތެއް ގާނޫނުއަސާސީން ކަނޑައަޅާފައިނުވާނަމަ، އެ އެންގުން އަންގާތާ އެންމެ ލަސްވެގެން 30 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ސިފައިންގެ އެންމެމަތީ ވެރިޔާ ފޮނުވާ ލިޔުމަކުން އަންގަންވާނެއެވެ.
(ޅ) މިމާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ސިފައިންގެ ރިޒާވް ލަށްކަރުގައި ހިމެނޭ މީހަކު ނުވަތަ ބަޔަކު، އެކްޓިވް ޑިޔުޓީއަށް ނުކުތުމަށް ސިފައިންގެ އެންމެމަތީ ވެރިޔާ އަންގާ މީހެއް ނުވަތަ ބައެއްގެ އެކްޓިވް ޑިޔުޓީ ނިމޭނީ އެކަން އަންގާ ސިފައިންގެ އެންމެމަތީ ވެރިޔާ ނެރޭ ހާއްސަ އެންގުމަކުންނެވެ.
(ކ) ރިޒާވް ލަށްކަރުގައި ހިމެނޭ މީހުންނަށް ދެވޭ މަރުކަޒީ ތަމްރީނުގެ އިތުރުން، ދެވިފައިވާ ތަމްރީނު ތާޒާކުރުމަށްޓަކައި މަދުވެގެން އަހަރަކު ދެ ހަފްތާގެ ތަމްރީނު ދެވޭނެއެވެ. އަދި މިތަމްރީނަށް ރިޒާވް ލަށްކަރުގައި ހިމެނޭ މީހުން، މަސައްކަތްކުރާ ދާއިރާތަކުން ވަޒީފާއިން ވަކިނުކޮށް ހަމަމުސާރަ ލިބޭގޮތަށް ދޫކުރަންޖެހޭނެއެވެ.
16 ވަނަ މާއްދާ - ސިފައިންނަށް ލިބިގެންވާ އިމްތިޔާޒު
(ހ) ސިފައިންގެ މީހެއްގެ ވެރިޔަކަށްހުރި މީހަކު ކުރާ ގާނޫނީ އަމުރަކަށް ކިޔަމަންތެރިވުމުގެ ގޮތުން ނުވަތަ ސިފައިންގެ ދައުރު އަދާކުރުމުގައި މިގާނޫނާއި މިގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން، ސިފައިންގެ މީހެއްގެ ވާޖިބު އަދާކުރުމުގެ ގޮތުން ގާނޫނާ ހިލާފުނުވާ ގޮތުގެމަތިން ސިފައިންގެ މީހަކު އެމީހެއްގެ ރަސްމީ ހައިސިއްޔަތުން، އެއްވެސް ނުބައި ނިޔަތެއްނެތި ކުރާކަމަކާމެދު ނުވަތަ އެމީހަކު ނުކޮށް ދޫކޮށްލާކަމަކާމެދު އެމީހެއްގެ މައްޗަށް އެއްވެސް ދައްވާއެއް ނުއުފުލޭނެއެވެ.
(ށ) ސިފައިންގެ މީހަކު އެމީހެއްގެ ވަޒީފާއިން ވަކިކުރެވިފައިވަނީ މިގާނޫނުގެ 31 ވަނަ މާއްދާގައި ބުނެފައިވާ ހާލަތުންކުރެ ހާލަތެއްގައިކަމަށް ނުވާނަމަ، އެމީހަކު ވަޒީފާއިން ވަކިވުމަށްފަހުގައިވެސް އެމީހަކަށް މިމާއްދާގެ (ހ) ގެ ދަށުން ލިބިދީފައިވާ އިމްތިޔާޒުގެ ހިމާޔަތް ލިބިގެންވެއެވެ.
(ނ) ސިފައިންގެ މީހެއްގެ ވެރިޔަކަށްހުރި މީހަކު ކުރާ ގާނޫނީ އަމުރަކަށް ނުކިޔަމަންތެރިވެ ކުރާ އަމަލެއްގެ ސަބަބުން ނުވަތަ ސިފައިންގެ ދައުރު އަދާކުރުމުގައި ގާނޫނާއި ގަވާއިދާ ހިލާފުވެ ކުރާ އަމަލެއްގެ ސަބަބުން އެ ސިފައިންގެ މީހެއްގެ ހަށިގަނޑަށް ނުވަތަ މިލްކަކަށް ނުވަތަ މުދަލަކަށް ލިބޭ އަނިޔާއަކަށް ނުވަތަ ހާނީއްކައަކަށް ނުވަތަ ގެއްލުމަކަށް، ފުރިހަމައަށް ޒިންމާވާންޖެހޭނީ އެ ނުކިޔަމަންތެރިވި ނުވަތަ ގަވާއިދާ ހިލާފުވި ސިފައިންގެ މީހެކެވެ.
17 ވަނަ މާއްދާ - ސިފައިންނަށް ލިބިގެންވާ ބާރު
(ހ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ދިވެހިރާއްޖޭގެ ގާނޫނާ ނުވަތަ މިގާނޫނުގެ ދަށުން ހަދާ ގަވާއިދަކާ ހިލާފުނުވާ ގޮތެއްގެމަތިން، މިގާނޫނުގައާއި އަދި ސިފައިންގެ ދައުރަށާއި ބާރަށް ނިސްބަތްވާ އެހެން ގާނޫނުތަކާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ބާރުތަކާއި އިހްތިޔާރުތައް، މިގާނޫނާއި މިގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ކަނޑައެޅިފައިވާ މިންވަރަށް ބޭނުންކުރުމުގެ ބާރާއި އިހްތިޔާރު ސިފައިންގެ ކޮންމެ މީހަކަށްވެސް ލިބިގެންވެއެވެ.
(ށ) ސިފައިންގެ ކޮންމެ މީހަކުވެސް އެމީހަކަށް ލިބިފައިވާ އެންމެހާ ގާނޫނީ ބާރާއި އިހްތިޔާރު ބޭނުން ހިފާގޮތާމެދު އަދި އެމީހެއްގެ މަސްއޫލިއްޔަތު އަދާކުރާގޮތާމެދު ތެދުވެރިކަމާއި އިހްލާސްތެރިކަމާއެކު ޗީފް އޮފް ޑިފެންސް ފޯސްއަށް ޖަވާބުދާރީވާންޖެހޭނެއެވެ.
18 ވަނަ މާއްދާ - ބާތިލު އަމުރު
ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާ ހިލާފަށް ނުވަތަ މިގާނޫނާއި މިގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ހިލާފުވާ ގޮތަކަށް އެއްވެސް އަމުރެއްކުރާނަމަ، އެއަމުރެއްގެ ގާނޫނާއި ނުވަތަ ގަވާއިދާ ހިލާފުވާ ބައެއްވާނީ، ބާތިލު އަމުރަކަށެވެ.
19 ވަނަ މާއްދާ - ސިޔާސީ ހަރަކާތްތަކުގައި ބައިވެރިނުވުން
ސިފައިންގެ އެއްވެސް މީހަކު، އެއްވެސް ސިޔާސީ ޕާޓީއެއްގައި ބައިވެރިވެ، ނުވަތަ ހަރަކާތްތެރިވެ، ނުވަތަ އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތްވާފަދަ ގޮތަކަށް އަމަލުކޮށްގެން ނުވާނެއެވެ.
20 ވަނަ މާއްދާ - ވޯޓުލުމުގެ ހައްގު
ސިފައިންގެ ކޮންމެ މީހަކަށްމެ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ދިވެހި ރައްޔިތުންނަށް ލިބިދޭ ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.
21 ވަނަ މާއްދާ - ހަތިޔާރު ގެންގުޅުމާއި ބޭނުންކުރުން
މިގާނޫނުގައިވާ ގޮތުގެމަތިން ސިފައިންގެ މަސްއޫލިއްޔަތުތަކާއި ވާޖިބު އަދާކުރުމުގައި ހަތިޔާރު ގެންގުޅުމާއި އަދި އޭގެ ބޭނުންކުރުމުގެ ހުއްދަ، މިގާނޫނުގެ ދަށުން ހަދާ ހަތިޔާރު ގެންގުޅުމުގެ ގަވާއިދާއި، ރޫލްސް އޮފް އެންގޭޖްމަންޓް ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، ސިފައިންނަށް ލިބިގެންވެއެވެ.
22 ވަނަ މާއްދާ - ފުލުހުންނަށާއި ގާނޫނު ތަންފީޒުކުރާ އެހެން ފަރާތްތަކަށް އެހީތެރިވުން
(ހ) ގައުމުގައި ސުލްހަ މަސަލަސްކަން ދެމެހެއްޓުމާއި އަމަންއާންމު ގާއިމުކުރުމުގައި ފުލުހުންނަށާއި ގާނޫނު ތަންފީޒުކުރާ އެހެން ފަރާތްތަކުން ސިފައިންގެ އެހީއަށް އެދިއްޖެ ހިނދެއްގައި، ކަނޑައެޅިފައިވާ އުސޫލުތަކެއްގެމަތިން އެފަރާތްތަކަށް، ސިފައިންގެ އެހީތެރިކަން ފޯރުކޮށްދޭން ވާނެއެވެ.
(ށ) މިމާއްދާގެ (ހ) ގައި ބުނެފައިވާ ހާލަތްތަކުގައި ފުލުހުންނަށާއި ގާނޫނު ތަންފީޒުކުރާ އެހެން ފަރާތްތަކަށް ލިބިދީފައިވާ ހުރިހާ ގާނޫނީ ބާރެއް ސިފައިންނަށްވެސް ލިބިގެންވެއެވެ.
(ނ) މިމާއްދާގެ (ށ) ގައި ބުނެފައިވާ ބާރު ބޭނުންކުރުމުގައި އަމަލުކުރަންވާނީ، އެކަމަށް ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
23 ވަނަ މާއްދާ - ރައްޔިތުންގެ އެހީތެރިކަމަށް އެދުމުގެ ހައްގާއި އާންމުންގެ މުދަލާއި ތަކެތި ބޭނުންކުރުން
(ހ) ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ނުވަތަ ރައްޔިތުންގެ ފުރާނައާއި މުދަލަށް ބޮޑު ނުރައްކަލެއް ކުރިމަތިވާ ހާލަތްތަކުގައި އާންމު ރައްޔިތެއްގެ ނުވަތަ ގާނޫނީ ށަހުސެއްގެ ނުވަތަ ޖަމާއަތެއްގެ އެހީތެރިކަމަށް އެދުމުގެ ހައްގާއި، އަދި އެފަދަ ހާލަތްތަކުގައި، އާންމު ރައްޔިތެއްގެ ނުވަތަ ގާނޫނީ ށަހުސެއްގެ ނުވަތަ ޖަމާއަތެއްގެ މުދަލެއް، އުޅަނދެއް ނުވަތަ އެއްޗެއް ބޭނުންކުރުމުގެ ހައްގު ސިފައިންނަށް ލިބިގެންވެއެވެ.
(ށ) މިމާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެމަތިން ބޭނުންކުރާ އެއްޗަކަށް ގެއްލުމެއް ލިބިއްޖެނަމަ، އެ ގެއްލުމެއްގެ ބަދަލު އެމީހަކަށް ދޭންވާނެއެވެ.
(ނ) މިމާއްދާގެ (ހ) ގައި ބުނެފައިވާ ހާލަތްތަކުގައި ސިފައިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަނާވެގެންފި ކޮންމެ މީހަކު މިގާނޫނުގެ ދަށުން ކުށްވެރިވާނެއެވެ.
24 ވަނަ މާއްދާ - ގައުމީ ސަލާމަތާބެހޭ މައްލޫމާތު އެއްކުރުމާއި އެމައްލޫމާތު ހިފެހެއްޓުން
(ހ) ދިވެހިރާއްޖޭގެ ގައުމީ ސަލާމަތާއި އަމަންއާންމު ރައްކާތެރިކުރުމުގެ ގޮތުން މައްލޫމާތު އެއްކުރުމުގެ ބާރާއި އިހްތިޔާރު ސިފައިންގެ ތެރެއިން އެކަމަށް ހާއްސަކޮށްފައިވާ ބަޔަކަށް ލިބިގެންވެއެވެ.
(ށ) ދިވެހިރާއްޖޭގެ ގައުމީ ސަލާމަތާއި އަމަންއާންމަށް އުނިކަމެއް ލިބިދާފަދަ އެއްވެސް މައްލޫމާތެއް ކަމާނުބެހޭ ފަރާތަކަށް ދީފިނަމަ، މިގާނޫނުގެ ދަށުން އެފަދަ މީހަކު ކުށްވެރިވާނެއެވެ.
(ނ) ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ލިބޭ އެއްވެސް މައްލޫމާތެއް ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ނުވަތަ ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި މެނުވީ ދީގެންނުވާނެއެވެ.
- ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމުގެ ގޮތުން ސިފައިންގެ އެންމެމަތީ ވެރިޔާއަށާއި، މިނިސްޓަރަށާއި، ގައުމީ ސަލާމަތާބެހޭ މަޖިލީހަށާއި، ޗީފް އޮފް ޑިފެންސް ފޯސްއަށް؛
- ގާނޫނުތައް ހިންގާ ތަންފީޒުކުރާ އިދާރާތަކުގެ އެންމެ އިސްވެރިންނަށް؛
- ސިފައިންގެ ނުވަތަ މިނިސްޓްރީގެ ނިންމުމަކާ ގުޅޭގޮތުން ކުރާ ނުވަތަ ކުރެވޭ ދައްވާއަކާގުޅިގެން، އެދައްވާއެއް ހިންގާ ށަރްއީ ކޯޓަކަށް؛
- އެ މައްލޫމާތަކީ، ރަސްމީ ފަރާތަކުން އާންމުވެފައިވާ މައްލޫމާތެއްނަމަ.
25 ވަނަ މާއްދާ - ވަޒީފާއާއި ތަމްރީނު ދިނުން
(ހ) މިގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ސިފައިންގެ ވަޒީފާއަށް މުވައްޒަފުން ވެއްދުމާއި، އެ މުވައްޒަފުންނަށް މަގާމު ހަވާލުކުރުމާއި، މަގާމުގެ ކުރިއެރުން ދިނުމާއި، މަގާމު ދަށްކުރުމާއި، މަގާމު ނުވަތަ ވަޒީފާ އަދާކުރާތަން ކަނޑައެޅުމާއި ބަދަލުކުރުމުގެ ކަންތައްތައް ހިންގާ ބަލަހައްޓާނީ މިނިސްޓަރެވެ.
(ށ) މިގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ސިފައިންނަށް ތަމްރީން ދިނުމުގެ ކަންތައްތައް ހިންގާ ބަލަހައްޓާނީ މިނިސްޓަރެވެ.
(ނ) މިނިސްޓަރަށް ފެނިއްޖެ ހިނދެއްގައި، މިމާއްދާގެ (ހ) އާއި (ށ) ގެ ދަށުން ސިފައިންގެ ވަޒީފާއާބެހޭ ކަންތައްތަކާއި ތަމްރީނު ދިނުމުގެ ކަންތައްތައް ހިންގައި ބެލެހެއްޓުން ޗީފް އޮފް ޑިފެންސް ފޯސްއަށް ހަވާލުކުރެވިދާނެއެވެ.
26 ވަނަ މާއްދާ - ސިފައިންގެ މަގާމުތަކާއި ރޭންކުތައް ހަމަޖެއްސުން
މިގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ސިފައިންގެ މަގާމުތަކާއި ރޭންކުތައް ކަނޑައަޅައި ހަމަޖައްސާނީ މިނިސްޓަރެވެ.
27 ވަނަ މާއްދާ - ސިފައިންނަށް މަގާމުގެ ކުރިއެރުމާއި ށަރަފުގެ ނިށާން ދިނުން
(ހ) މިގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ސިފައިންނަށް މަގާމުގެ ކުރިއެރުމާއި ށަރަފުގެ ނިށާން ދިނުމަށް ކަނޑައަޅާނީ މިނިސްޓަރެވެ.
(ށ) މިމާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެމަތިން ސިފައިންނަށް މަގާމުގެ ކުރިއެރުމާއި ށަރަފުގެ ނިށާން ދިނުމުގެ އެންމެހާ ކަންތައްތައް ހިންގައި، ބަލަހައްޓައި އަދި އެކަންކަމާބެހޭ ގޮތުން މިނިސްޓަރަށް ލަފާދޭނެ ބޯޑެއް ސިފައިންގެ އޮފިސަރުންގެ ތެރެއިން މިނިސްޓަރު އެކުލަވާލަންވާނެއެވެ.
28 ވަނަ މާއްދާ - ސިފައިންގެ ޔުނީފޯމާއި ށަރަފުގެ ނިށާން ހުއްދަ ނެތި ބޭނުންކުރުން
މިގާނޫނާއި މިގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ހުއްދަ ދޭންޖެހޭ ފަރާތަކުން ހުއްދަ ލިބިގެން މެނުވީ މިމާއްދާގެ (ހ) އާއި (ށ) އަދި (ނ) ގައި ބަޔާންކޮށްފައިވާ ކަމެއް ކޮށްފި މީހަކު މިގާނޫނުގެ ދަށުން ކުށްވެރިވާނެއެވެ.
(ހ) ސިފައިން ބޭނުންކުރުމަށް ގަވާއިދުން ހުއްދަދީފައިވާ ރަސްމީ ޔުނީފޯމެއް ނުވަތަ ށަރަފުގެ ނިށާނެއް އުފެއްދުން ނުވަތަ ވިއްކުން ނުވަތަ ބޭނުންކުރުން.
(ށ) ސިފައިން ބޭނުންކުރުމަށް ގަވާއިދުން ހުއްދަދީފައިވާ ރަސްމީ ޔުނީފޯމެއް ނުވަތަ ށަރަފުގެ ނިށާނެއް ނުވަތަ އެފަދަ އެއްޗެއްގެ ނަކަލެއް މީހަކަށް ނުވަތަ ބަޔަކަށް އޮޅުވާލުމުގެ ނިޔަތުގައި އުފެއްދުން ނުވަތަ ބޭނުންކުރުން.
(ނ) ސިފައިން ބޭނުންކުރުމަށް ގަވާއިދުން ހުއްދަދީފައިވާ ރަސްމީ ޔުނީފޯމެއް ނުވަތަ ށަރަފުގެ ނިށާނެއް ބޭނުންކުރުމުގެ ހުއްދަ ނެތް މީހަކަށް ދިނުން.
29 ވަނަ މާއްދާ - ސިފައިންގެ ވަޒީފާއިން އިސްތިއުފާ ދިނުން
(ހ) ޗީފް އޮފް ޑިފެންސް ފޯސްއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ފިޔަވައި، ސިފައިންގެ މީހަކު އެމީހެއްގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، ސަބަބު ބަޔާންކޮށް، މިނިސްޓަރަށް ފޮނުވާ ލިޔުމަކުން އިސްތިއުފާ ދެވިދާނެއެވެ. އަދި މިނިސްޓަރު އެ އިސްތިއުފާ ގަބޫލުކުރިކަން އަންގަންދެން އެމީހަކު އެމީހެއްގެ ވާޖިބު އަދާކުރުންމަތީ ދެމިހުންނަން ވާނެއެވެ.
(ށ) ޗީފް އޮފް ޑިފެންސް ފޯސް ނުވަތަ ވައިސް ޗީފް އޮފް ޑިފެންސް ފޯސް އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، ސަބަބު ބަޔާންކޮށް، ސިފައިންގެ އެންމެ މަތީ ވެރިޔާއަށް ފޮނުވާ ލިޔުމަކުން އިސްތިއުފާ ދެވިދާނެއެވެ. އަދި ސިފައިންގެ އެންމެމަތީ ވެރިޔާ އެ އިސްތިއުފާ ގަބޫލުކުރިކަން އަންގަންދެން އެމީހަކު އެމީހެއްގެ ވާޖިބު އަދާކުރުންމަތީ ދެމިހުންނަންވާނެއެވެ.
30 ވަނަ މާއްދާ - ށަރަފުވެރިކަމާއެކު ވަޒީފާއިން ވަކިވުން
(ހ) ސިފައިންގެ މީހަކު އެމީހެއްގެ ވަޒީފާއިން ވަކިކުރެވިފައިވަނީ މިގާނޫނުގެ 31 ވަނަ މާއްދާގައި ބުނެފައިވާ ހާލަތުންކުރެ ހާލަތެއްގައި ކަމުގައިނުވާނަމަ، ސިފައިންގެ ވަޒީފާއިން ވަކިވާ ކޮންމެ މީހަކީ މިގާނޫނުގެ ދަށުން ހަދާ ރިޓަޔަރމަންޓް ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ށަރަފުވެރިކަމާއެކު ސިފައިންގެ ވަޒީފާއިން ވަކިވި މީހެއްކަމަށް މިނިސްޓަރަށް ކަނޑައެޅިދާނެއެވެ.
(ށ) ސިފައިންގެ މީހަކު ރިޓަޔަރ ކުރެވޭނެ އަންނަނިވި ގޮތްތައް ސިފައިންގެ ރިޓަޔަރމަންޓް ގަވާއިދުގައި ހިމަނަންވާނެއެވެ.
- ރޭންކަށް ކަނޑައެޅިފައިވާ އުމުރު ހަމަވުން.
- ކަނޑައެޅިފައިވާ ވަކި މުއްދަތަކަށް އެއްމަގާމެއްގައި ހުރުން.
- ސިއްހީ ހާލަތު ތަންނުދިނުން.
- އަމިއްލައަށް އެދިގެން.
(ނ) މިމާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ށަރަފުވެރިކަމާއެކު ސިފައިންގެ ވަޒީފާއިން ވަކިވާ މީހުންނަށް މިގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ހާއްސަ އިނާޔަތްތަކާއި އިމްތިޔާޒު ދިނުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.
(ރ) ސިފައިންގެ ވަޒީފާގައި ހުރެވޭނެ އެންމެދޮށީ އުމުރަކީ 60 އަހަރެވެ. މިމާއްދާއަށް އަމަލުކުރަންފަށާނީ މިގާނޫނަށް އަމަލުކުރަން ފަށާތާ 1 (އެކެއް) އަހަރު ދުވަސް ވުމުންނެވެ.
(ބ) ސިފައިންގެ މީހަކު އެމީހެއްގެ ވަޒީފާއިން ވަކިކުރެވިފައިވަނީ މިގާނޫނުގެ 31 ވަނަ މާއްދާގައި ބުނެފައިވާ ހާލަތުންކުރެ ހާލަތެއްގައިނަމަ، މިމާއްދާގެ (ށ) ގެ ދަށުން ލިބިދޭ އެއްވެސް އިނާޔަތެއް ނުވަތަ އިމްތިޔާޒެއް އެމީހަކަށް ނުލިބޭނެއެވެ.
31 ވަނަ މާއްދާ - ވަޒީފާއިން ވަކިކުރުން
ވަޒީފާއަށް ފިލައިގެން، ނުވަތަ އަހްލާގީ މައްސަލައެއް ދިމާވެގެން، ނުވަތަ ކުށެއް ކޮށްގެން، ނުވަތަ މިގާނޫނާއި މިގާނޫނުގެ ދަށުން ހަދާ ގަވާއިދަކާ ހިލާފުވެގެން، އެމީހަކު ސިފައިންގެ ވަޒީފާއިން ވަކިކުރުމުގެ އިހްތިޔާރާއި ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.
32 ވަނަ މާއްދާ - ވަޒީފާއަށް ފިލުން
(ހ) ސިފައިންގެ މީހަކު ވަޒީފާ ދޫކޮށް ފިލައިގެން ހިނގައްޖެނަމަ ނުވަތަ ވަޒީފާއިން ފިލައިގެން ދާން އުޅެފިނަމަ، އެމީހަކަށް މިގާނޫނުގެ ދަށުން ނުވަތަ މިގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައެޅިފައިވާ އަދަބުދެވޭނެއެވެ.
(ށ) މިމާއްދާގެ (ހ) ގެ ދަށުން ސިފައިންގެ މީހަކު ވަޒީފާއިން ފިލިކަމަށް ބެލެވޭނީ، ސިފައިންގެއިން ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުން އަމިއްލައަށް ބަރީއަވެގަނެ، ސިފައިންގެއިން ހަވާލުކޮށްފައިވާ ޑިއުޓީއެއް ހުއްދަނެތި ދޫކޮށްދިއުމުންނާއި، ނުވަތަ ހުއްދަ ނުހޯދާ 14 (ސާދަ) ދުވަސް ވަންދެން ވަޒީފާއަށް ހާޒިރުނުވެ ހުރުމުންނާއި، ނުވަތަ ކުއްލި ހާލަތެއްގައި، އެމީހެއްގެ މައްޗަށް ހުރި ވެރިޔަކު ކުރާ އަމުރަކާ ހިލާފަށް ވަޒީފާއަށް ނުނިކުމެ ހުރުމުންނާއި، ނުވަތަ ނުކުތުމަށް ދެކޮޅު ހެދުމުންނާއި، ނުވަތަ ދުށްމަނުންނާއި، ބަގާވާތްތެރީންނާއި ކުރިމަތިލާން ޖެހޭފަދަ އޮޕަރޭށަނަލް ހާލަތެއްގައި އެކަން އެނގިހުރެ ފިލުމުންނާއި ނުވަތަ އަޅާނުލާ ހުރުމުންނެވެ.
(ނ) މިމާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެމަތިން ސިފައިންގެ މީހަކު ވަޒީފާއަށް ފިލައިގެން ދިއުމަށް، ބާރުއަޅައި ނުވަތަ ހިތްވަރުދީ ނުވަތަ އެހީތެރިވެއްޖެ ކޮންމެ މީހަކު މިގާނޫނުގެ ދަށުން ކުށްވެރިވާނެއެވެ.
33 ވަނަ މާއްދާ - ސިފައިންގެ ތެރޭގައި ބަގާވާތްކުރުން
ސިފައިންގެ ތެރޭގައި ބަގާވާތްކޮށްފިނަމަ ނުވަތަ ފިތުނަފަސާދަ އުފައްދައިފިނަމަ، ނުވަތަ އެއިން ކަމެއް ކުރަން ރާވައިފިނަމަ، ނުވަތަ އެފަދަ ކަމެއްކުރުމަށް ހިތްވަރުދީފިނަމަ ނުވަތަ އެއިން ކަމެއް އެހެން ބަޔަކު ކުރާކަން ނުވަތަ ކުރަން ރާވާކަން އެނގިހުރެ އެއިންކަމަކާބެހޭ މައްލޫމާތު ސިފައިންގެ އިސްވެރިޔަކަށް ނާންގައިފިނަމަ ނުވަތަ އެންގުން ލަސްކޮށްފިނަމަ އެފަދަ ކޮންމެ ސިފައިންގެ މީހަކު މިގާނޫނުގެ ދަށުން ކުށްވެރިވާނެއެވެ.
34 ވަނަ މާއްދާ - ސިފައިންނަށް ލިބިދޭ އިނާޔަތްތައް
ސިފައިންނަށް ލިބިދޭ އެންމެހާ އިނާޔަތްތައް ހަމަޖައްސާނީ މިގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މިނިސްޓަރެވެ.
35 ވަނަ މާއްދާ - ހިދްމަތުގައި އުޅެނިކޮށް ބޮޑު އަނިޔާއެއް ލިބިއްޖެނަމަ ނުވަތަ ނުކުޅެދޭ ހާލަތެއް މެދުވެރިވެއްޖެނަމަ ބަދަލުދިނުން
ސިފައިންގެ މީހެއް ހިދްމަތުގައި އުޅެނިކޮށް ބޮޑު އަނިޔާއެއް ލިބިއްޖެނަމަ ނުވަތަ ނުކުޅެދޭ ހާލަތެއް މެދުވެރިވެއްޖެނަމަ، މިގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އޭނާއަށް ހައްގު ބަދަލު ލިބިދެވޭނެއެވެ.
36 ވަނަ މާއްދާ - ވެލްފެއަރ ފަންޑް
(ހ) ސިފައިންގެ ވެލްފެއަރގެ ކަންތައްތައް ރަނގަޅުކުރުމަށްޓަކައި ވެލްފެއަރ ފަންޑެއް އުފައްދައި، އެ ފަންޑުން ސިފައިންނަށް ވެލްފެއަރގެ ކަންތައްތަކަށް ހޭދަކުރުމަށް ހުއްދަ ދިނުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.
(ށ) މިނިސްޓަރަށް ފެނިއްޖެ ހިނދެއްގައި، މިމާއްދާގެ (ހ) ގެ ދަށުން ވެލްފެއަރ ފަންޑު އުފައްދައި ހިންގުން، ޗީފް އޮފް ޑިފެންސް ފޯސްއާ ހަވާލުކުރުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.
(ނ) މިމާއްދާގެ (ހ) ގައި ބުނެފައިވާ ވެލްފެއަރ ފަންޑު ކުރިއަރުވައި، އިތުރަށް ތަރައްގީކުރުމަށްޓަކައި ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ސިފައިންނާއި ސިފައިންގެ އާއިލާތަކަށާއި، އަދި ސިފައިންގެ ވަޒީފާއިން ށަރަފުވެރިކަމާއެކު ވަކިވާ މީހުންނަށް އަމާޒުކޮށްގެން ކޯޕަރޭޓިވް އުސޫލުން ވިޔަފާރިކުރެވިދާނެއެވެ.
(ރ) މިމާއްދާގެ (ނ) ގައި ބުނެފައިވާފަދަ ވިޔަފާރިކުރުމަށްޓަކައި އުފައްދަންޖެހޭ ގާނޫނީ ށަހުސު، ޖަމްއިއްޔާ ނުވަތަ ޖަމާއަތްތައް ސިފައިންގެ ތެރެއިން އުފެއްދުމަށް، އެކަމާބެހޭ ގާނޫނުތަކުގައިވާ ގޮތުގެމަތިން، ހުއްދަ ދިނުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.
37 ވަނަ މާއްދާ - ސިފައިންގެ މެޑިކަލް ކްލިނިކް
ސިފައިންނާއި ސިފައިންގެ މީހުން އާއިލާތަކަށާއި އަދި ސިފައިންގެ ވަޒީފާއިން ށަރަފުވެރިކަމާއެކު ވަކިވާ މީހުންނަށް ބޭސްފަރުވާގެ ހިދުމަތްދިނުމަށް މެޑިކަލް ކްލިނިކް ހަދައި ހިންގިދާނެއެވެ.
38 ވަނަ މާއްދާ - ސިފައިންގެ ދައުރު އަދާކުރުމަށްޓަކައި ކަމާބެހޭ ސާމާނާއި، ވަސީލަތްތަކާއި، ހަތިޔާރު ހޯދައި، ގަތުން
ސަރުކާރުގެ މުދަލާއި ފައިސާއާބެހޭ ގާނޫނާއި ގަވާއިދުތަކާއި އުސޫލުތަކާ އަދި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާ ހިލާފުނުވާ ގޮތުގެ މަތިން ސިފައިންގެ ދައުރު އަދާކުރުމަށްޓަކައި ބޭނުންވާ އެންމެހާ ސާމާނާއި، ވަސީލަތްތަކާއި، ހަތިޔާރު ހޯދުމާއި ގަތުމުގެ ބާރު ސިފައިންނަށް ލިބިގެންވެއެވެ.
39 ވަނަ މާއްދާ - އަސްކަރީ އުޅަނދުފަހަރު ރަޖިސްޓަރީކުރުން
(ހ) ސިފައިންގެ އަސްކަރީ ބޭނުންތަކަށް ބޭނުންކުރާ އެއްގަމާއި، ކަނޑާއި، ވައިގެ އުޅަނދުފަހަރުތައް ދިވެހިރާއްޖޭގެ އާންމު ދަތުރުފަތުރާބެހޭ ގާނޫނުތަކުގެ ދަށުން ރަޖިސްޓަރީކުރަންޖެހޭ ރަޖިސްޓަރީކުރުމުން އިސްތިސްނާވެގެންވެއެވެ.
(ށ) މިމާއްދާގެ (ހ) ގައި ބުނެފައިވާ އުޅަނދުފަހަރު މިގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ ދިފާއާއި ސަލާމަތާބެހޭ ކަންކަންކުރުމަށް މަސްއޫލުވާ ވުޒާރާގައި ރަޖިސްޓަރީކުރަންޖެހޭނެއެވެ.
40 ވަނަ މާއްދާ - މުވާސަލާތީ އާލާތްތައް ރަޖިސްޓްރީ ކުރުމާއި، ފްރިކްއެންސީ ބޭންޑް ހާއްސަ ކުރުމާބެހޭ
(ހ) މިގާނޫނުގެ ދަށުން އަސްކަރީ ބޭނުންތަކަށް ހޯދާ މުވާސަލާތީ އާލާތްތައް ދިވެހިރާއްޖޭގެ މުވާސަލާތާބެހޭ ގާނޫނުތަކުގެދަށުން ރަޖިސްޓަރީކުރަންޖެހޭ، ރަޖިސްޓަރީކުރުމުން އިސްތިސްނާވެގެންވެއެވެ.
(ށ) މިމާއްދާގެ (ހ) ގައި ބުނެފައިވާ މުވާސަލާތީ އާލާތްތައް މިގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ ދިފާއާއި، ސަލާމަތާބެހޭ ކަންކަންކުރުމަށް މަސްއޫލުވާ ވުޒާރާގައި ރަޖިސްޓަރީކޮށް ބަލަހައްޓަން ވާނެއެވެ.
(ނ) އަސްކަރީ ބޭނުންތަކުގައި ސިފައިން ބޭނުންކުރުމަށް ހާއްސަ ފްރިކްއެންސީ ބޭންޑާއި، ފްރިކްއެންސީ ތަކެއް ސިފައިންނަށް ހާއްސަކުރަންވާނެއެވެ.
41 ވަނަ މާއްދާ - ސިފައިންގެ ކަނޑުގެ އުޅަނދުފަހަރުގެ ކެޕްޓަނުންނަށް ލިބިދެވޭ އިހްތިޔާރު
(ހ) ސިފައިންގެ ކޯސްޓްގާރޑް އުޅަނދެއްގެ ކެޕްޓަނެއްގެ ހައިސިއްޔަތުން ވާޖިބު އަދާކުރަނިކޮށް، ކަނޑުމަތީ އެހެން އުޅަނދަކުން ތިރީގައިމިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ކުރާކަމަށް ނުވަތަ ކުރަންއުޅޭކަމަށް ގަބޫލުކުރެވޭފަދަ ކަމެއް ފެނިއްޖެނަމަ އެފަދަ އުޅަނދުފަހަރާއި، އެއުޅަނދުފަހަރުގެ މީހުން ހިފަހައްޓައި ހައްޔަރުކުރުމުގެ އިހްތިޔާރު އެ ކެޕްޓަނަކަށް ލިބިގެންވެއެވެ.
- ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުވަތަ ގައުމީ ސަލާމަތަށް ނުރައްކަލެއް ނުވަތަ އުނިކަމެއް އަތުވެދާނެފަދަ ކަމެއް ކަނޑުމަތީގައި ކުރުން؛ ނުވަތަ
- ދިވެހިރާއްޖޭގެ ގާނޫނާ ހިލާފަށް ދިވެހިރާއްޖޭގެ ސިޔާސީ ސަރަހައްދު ނުވަތަ އިގްތިސާދީ ސަރަހައްދުގެތެރެއަށް ވަނުން ނުވަތަ އެސަރަހައްދުން މަސްވެރިކަން ކުރުން؛ ނުވަތަ
- ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނާއި ގަވާއިދުތަކާއި ނުވަތަ ދިވެހިރާއްޖޭގެ މަސްވެރިކަމާބެހޭ ގާނޫނާއި ގަވާއިދުތަކާ ހިލާފުވުން؛ ނުވަތަ
- ދިވެހިރާއްޖެއަށް އެތެރެކުރުމާއި ދިވެހިރާއްޖެއިން ބޭރުކުރުން މަނާކުރެވިފައިވާ ބާވަތުގެ އެއްވެސް އެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުން ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރަން އުޅުން؛ ނުވަތަ
- ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، ދިވެހިރާއްޖެއަށް އެތެރެކުރުމާއި ދިވެހިރާއްޖެއިން ބޭރުކުރުން ހުއްދަ ތަކެތި ގާނޫނާއި ގަވާއިދާ ހިލާފަށް ދިވެހިރާއްޖެއަށް އެތެރެކުރުން ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރަން އުޅުން؛ ނުވަތަ
- ދިވެހިރާއްޖޭގެ ގުޅިފައިވާ ކަނޑުގެ ސަރަހައްދުގައި ކަސްޓަމްސްއާއި، ފައިސާއާއި، އިމިގްރޭށަނާއި، ސިއްހީ ބޭނުންތަކާގުޅޭ ގޮތުން ހަދާފައިވާ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފުވުން؛ ނުވަތަ
- ދިވެހިރާއްޖޭގެ ގޮނޑުދޮށްތަކާއި އެ ގޮނޑުދޮށްތަކާ ގުޅިފައިވާ ކަނޑުގެ ސަރަހައްދު ތަގައްޔަރުކޮށް ގެއްލުންދިނުން، ނުވަތަ ހަލާކު ކުރުން، ނުވަތަ އިގްތިސާދީ އަދި އިޖްތިމާއީ ފައިދާހުރި އެއްވެސް އެއްޗެއް ހަލާކު ކުރުން، ނުވަތަ އެ އެއްޗަކުން ލިބޭ ލާބަޔާއި މަންފާ ދަށްކުރަން މަސައްކަތްކުރުން؛ ނުވަތަ
- ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުފަތުރުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅައި ހުއްޓުވުން.
(ށ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އުޅަނދުފަހަރު ހުއްޓުވައި، ބަލައި ފާސްކުރުމާއި، އެ އުޅަނދުފަހަރުންނާއި އެ އުޅަނދުފަހަރުގައި އުޅޭ މީހުންގެ އަތުން ފެންނަ ގާނޫނާއި ގަވާއިދާ ހިލާފުވާ ބާވަތުގެ މުދަލާއި، ތަކެއްޗާއި، ލިޔެކިޔުމާއި، ހަތިޔާރާއި، އެހެނިހެން އެފަދަ ތަކެތި އަތުލައި، އެފަދަ މީހުންނާއި ތަކެއްޗާބެހޭ މައްސަލަތައް ތަހްގީގުކުރުމަށްޓަކައި ފުލުހުންނާ ހަވާލުކުރެވެންދެން ހިފެހެއްޓުމުގެ ބާރު ސިފައިންގެ ކޯސްޓްގާރޑް އުޅަނދުފަހަރުގެ ކެޕްޓަނުންނަށް ލިބިގެންވެއެވެ.
(ނ) މިމާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެމަތިން ސިފައިން ހައްޔަރުކުރާ މީހުންނާއި، ހިފަހައްޓާ ތަކެތި އެފަދަ މީހުންނާއި ތަކެއްޗާބެހޭ މައްސަލަތައް ތަހްގީގުކުރުމަށްޓަކައި ވީއެންމެ އަވަސް ފުރުސަތެއްގައި ފުލުހުންނާ ހަވާލުކުރަންވާނެއެވެ.
42 ވަނަ މާއްދާ - ސިފައިންގެ މީހަކަށް ސިފައިންގެ އެހެން މީހެއްގެ ފަރާތުން ގެއްލުމެއް، އުދަގުލެއް ނުވަތަ އަނިޔާއެއް ލިބުން
(ހ) ސިފައިންގެ އެއްވެސް މީހަކަށް، ސިފައިންގެ އެހެން މީހެއްގެ ފަރާތުން ގެއްލުމެއް، އުނދަގުލެއް، ނުވަތަ އަނިޔާއެއް ލިބިއްޖެނަމަ އެމައްސަލައަކަށް ހައްލުހޯދުމުގެ ގޮތުން އެމައްސަލައެއް މިނިސްޓަރަށް ހުށަހެޅުމުގެ އިހްތިޔާރު ސިފައިންގެ ކޮންމެ މީހަކަށްވެސް ލިބިގެންވެއެވެ.
(ށ) މިމާއްދާގެ (ހ) ގައި ބުނެފައިވާފަދަ މައްސަލައެއް މިނިސްޓަރަށް ހުށަހެޅިއްޖެނަމަ، އެކަމަށް ހާއްސަކޮށްފައިވާ ކޮމިޓީއަކަށް އެމައްސަލަ ހުށަހަޅައި މިގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެމައްސަލައެއް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަންވާނެއެވެ.
43 ވަނަ މާއްދާ - އަސްކަރީ ފުލުހުން
ސިފައިން ކުރާ ކުށްތަކާގުޅިގެން ތަހުގީގު ހިންގުމާއި، ސިފައިންގެ ތެރޭގައި ދިމާވާ އެކިއެކި މައްސަލަތައް ބަލައި އަޅަންޖެހޭ ފިޔަވަޅު އެޅުމަށާއި، ސިފައިންގެ މަރުކަޒުތަކާއި ސިފައިން ހިންގާ ހަރަކާތްތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާއި، ވަޒީފާއަށް ފިލާމީހުން ހޯދުމާއި، އަދި ހަނގުރާމައިގެ ހާލަތްތަކުގައި ހައްޔަރު ކުރެވޭ އަސީރުންނާބެހޭ ހުރިހާކަމެއް ކުރުމަށްޓަކައި ސިފައިންގެ ތެރެއިން އަސްކަރީ ފުލުހުން، މިނިސްޓަރު އެކުލަވާލަންވާނެއެވެ.
44 ވަނަ މާއްދާ - ސިފައިން ކުރާ ކުށްތަކަށް ދެވޭ އިދާރީ އަދަބުގެ މިންގަނޑު
(ހ) މިގާނޫނާއި މިގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ސިފައިން އަމަލުކުރުމަށް ކަނޑައެޅިފައިވާގޮތާ ހިލާފުވެއްޖެނަމަ، އެކުޅަ ކަމެއްގެ ކުޑަ ބޮޑު މިނަށް ބަލައި މިގާނޫނުގެ ދަށުން ހަދާ "ސިފައިން ކުރާ ކުށްތަކަށް އިދާރީ އަދަބުދިނުމާބެހޭ ގަވާއިދު" ގެ ދަށުން އެކަމަކަށް ކަނޑައެޅިފައިވާ އިދާރީ އަދަބެއް ދެވޭނެއެވެ.
(ށ) މިމާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެމަތިން އިދާރީ އަދަބެއް ދޭންޖެހޭ ސިފައިންގެ މީހެއްގެ މައްޗަށް، އެމީހަކު ކުޅަ ޖިނާއީ ކުށެއްގެ ދައްވާ ކުރުމަކަށް މިގާނޫނު ހުރަހެއްނާޅައެވެ.
(ނ) މިމާއްދާގެ (ހ) ގައި ބުނެފައިވާ ގަވާއިދުގައިވާ އަދަބުތައް ކަނޑައެޅިފައި ހުންނަންވާނީ ތިރީގައި ބަޔާންކޮށްފައިވާ މިންގަނޑުގެ ތެރޭގައެވެ.
- 10 (ދިހައެއް) ރުފިޔާއަށްވުރެ މަދުނޫން އަދި 25,000 (ފަންސަވީސްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން؛
- 01 (އެކެއް) ދުވަހާއި 220 (ދުއިސައްތަ ވިހި) ދުވަހާ ދެމެދުގެ މުއްދަތަކަށް ސިފައިންގެ މަރުކަޒެއްގައި ބަންދުކުރުން؛
- 01 (އެކެއް) ދުވަހާއި 120 (ސަތޭކަ ވިހި) ދުވަހާ ދެމެދުގެ މުއްދަތަކަށް ސިފައިންގެ މަރުކަޒެއްގައި އާންމުކޮށް އެހެން މީހުންނާ ބައްދަލުނުވާ ގޮތަކަށް ބަންދުކުރުން؛
- 05 (ފަހެއް) ދުވަހާއި 90 (ނުވަދިހަ) ދުވަހާ ދެމެދުގެ މުއްދަތަކަށް ބުރަ މަސައްކަތާއެކު އެމީހަކު އާންމުކޮށް ދިރިއުޅޭ ރަށް ނޫން ސިފައިންގެ މަރުކަޒެއް ނުވަތަ އިމާރާތެއް ހުންނަ އެހެން ރަށެއްގައި ބަންދުކުރުން؛
- ސިފައިންގެ ރޭންކު ދަށްކުރުން؛
- ވަޒީފާއިން ވަކިކުރުން؛
- ވަޒީފާއިން ވަކިކޮށް މައްސަލަ ށަރީއަތަށް ހުށަހެޅުން.
45 ވަނަ މާއްދާ - އަދަބު
މިގާނޫނާއި މިގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ވަކި އަދަބެއް ކަނޑައެޅިފައިނުވާ ކުށަކަށް ދޭނެ އަދަބަކީ 25,000 (ފަންސަވީސް ހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން ނުވަތަ އެއް އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން، ނުވަތަ 25,000 (ފަންސަވީސް ހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމާއެކު އެއް އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުމެވެ.
46 ވަނަ މާއްދާ - ގަވާއިދު ހެދުން
(ހ) މިގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހާ ގަވާއިދުތައް ހަދައި ހިންގާނީ މިނިސްޓަރެވެ. މިގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކުގެ ތެރެއިން، މިނިސްޓަރަށް ފެނިއްޖެ ހިނދެއްގައި، މިނިސްޓަރު އަންގާ ގަވާއިދުތަކެއް ހަދައި ހިންގުމުގެ ބާރު ޗީފް އޮފް ޑިފެންސް ފޯސްއަށް ދިނުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.
(ށ) މިގާނޫނު ފާސްވެ ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއު ކުރާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތަކާގުޅޭ ގަވާއިދުތައް ހަދައި، އެގަވާއިދުތަކަށް އަމަލުކުރަން ފަށްޓަންވާނެއެވެ.
- ސިފައިންގެ އާންމު ގަވާއިދު.
- ކޯޑް އޮފް ކޮންޑަކްޓް އަދި ކޯޑް އޮފް އެތިކްސް.
- ހަތިޔާރު ގެންގުޅުމާބެހޭ ގަވާއިދު.
- ރޫލްސް އޮފް އެންގޭޖްމަންޓް ގަވާއިދު.
- ސިފައިންގެ ވަޒީފާއާބެހޭ ގަވާއިދު.
- ސިފައިންގެ ޔުނީފޯމާބެހޭ ގަވާއިދު.
- ސިފައިން ތަމްރީނުކުރުމާބެހޭ ގަވާއިދު.
- ސިފައިންގެ ރިޒާވް ލަށްކަރު އެކުލަވާލުމާއި، ބެލެހެއްޓުމާއި، ހިންގުމުގެ ގަވާއިދު.
- އަސްކަރީ އުޅަނދުފަހަރު ރަޖިސްޓަރީކުރުމާބެހޭ ގަވާއިދު.
- ސިފައިން ކުރާ ކުށްތަކަށް އިދާރީ އަދަބުދިނުމާބެހޭ ގަވާއިދު.
- ރިޓަޔަރމަންޓް ގަވާއިދު.
- ވަޒީފާއިން ވަކިކުރުމާބެހޭ ގަވާއިދު.
- ސިފައިންނަށް މަގާމުގެ ކުރިއެރުމާއި ށަރަފުގެ ނިށާން ދިނުމާބެހޭ ގަވާއިދު.
- ޗުއްޓީ ނެގުމާއި ސަލާމް ބުނުމާބެހޭ ގަވާއިދު.
- ސިފައިންގެ އައިޑެންޓިޓީ ކާޑު ގެންގުޅުމާއި ބޭނުންކުރުމާބެހޭ ގަވާއިދު.
- ސިފައިންގެ މީހުންނާމެދު ކުރެވޭ ށަކުވާތައް ތަހްގީގުކޮށް، އެކަންކަމާމެދު ފިޔަވަޅު އެޅުމާބެހޭ ގަވާއިދު.
- ސިފައިންގެ ދާއިރާތައް އޯޑިޓްކުރުމާބެހޭ ގަވާއިދު.
47 ވަނަ މާއްދާ - މިގާނޫނަށް އަމަލުކުރަން ފެށުން
މިގާނޫނަށް އަމަލުކުރަންފަށާނީ، މިގާނޫނު ފާސްވެ ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާތާ 3 (ތިނެއް) މަސްދުވަސް ހަމަވާ ދުވަހުން ފެށިގެންނެވެ.
48 ވަނަ މާއްދާ - މާނަ
މިގާނޫނުގައި، އެ އިބާރާތެއް ހިމެނިފައިވާ ގޮތުން އެހެންގޮތަކަށް ކަނޑައެޅިގެން ދޭހަނުވާނަމަ:
(ހ) "މިނިސްޓަރު" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގެ ދިފާއީ ސަލާމަތާބެހޭ ކަންކަން ކުރުމަށް މަސްއޫލުވާ ވުޒާރާގެ މިނިސްޓަރަށް، ނުވަތަ އެވުޒާރާ ހިންގުމާ ހަވާލުވެހުންނަ އެންމެ އިސްވެރިޔަކަށެވެ.
(ށ) "އެކްޓިވް ޑިޔުޓީ" ކަމަށް ބުނެފައިއެވަނީ، މިގާނޫނުގައިވާ ގޮތުގެމަތިން ސިފައިންގެ އެންމެހާ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށްޓަކައި ހަމައެކަނި ސިފައިންގެ ވަޒީފާ އަދާކުރުމަށެވެ.
(ނ) "ހަނގުރާމަ މަތީ ހަތިޔާރު" ކަމަށް ބުނެފައިއެވަނީ، ބަޑިބޭސް ނުވަތަ އެފަދަ ނުރައްކާތެރި ކެމިކަލެއް ހިމެނޭފަދަ ހަތިޔާރަށާއި، މީހެއްގެ ހަށިގަނޑަށް ނުވަތަ މުދަލަކަށް ބޮޑު ގެއްލުމެއް ދެނިވި ހަތިޔާރަށެވެ.
(ރ) "ކޮމާންޑަރު" ކަމަށް ބުނެފައިއެވަނީ، ސިފައިންގެ އަސްކަރީ ބާރުތަކާ ހަވާލުވެ ހުންނަ ސިފައިންގެ އޮފިސަރުންގެ ތެރެއިން އެންމެ އިސް މީހަކަށެވެ.
(ބ) "ބަނދަރު" ކަމަށް ބުނެފައިއެވަނީ، ބައިނަލްއަގްވާމީ އަދި ސަރަހައްދީ ބަނދަރުތަކުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ބަނދަރުތަކަށެވެ.
(ޅ)"ސިފައިންގެތެރޭގައި ބަގާވާތްކުރުން" ކަމަށް ބުނެފައިއެވަނީ، ސިފައިންގެ މީހަކަށްވެހުރެ، ސިފައިންގެ ތެރޭގައި އެހެން ސިފައިންގެމީހަކާއި ނުވަތަ ސިފައިންގެ ބަޔަކާ ބައިވެރިވެ، ބާރުގެ ބޭނުންކުރުމާއި ނުވަތަ ބާރުގެ ބޭނުންކުރާނެކަމަށްބުނެ ބިރުދެއްކުމާއި ނުވަތަ އެ މަގްސަދުގައި ތިމާ އަދާކުރަންޖެހޭ ޑިއުޓީތަކާއި ހަވާލުކުރެވޭ މަސައްކަތްތަކަށް އަދި ދުށްމަނުންނާ ބަގާވާތްތެރިންނާ ކުރިމަތިލާންޖެހޭފަދަ ހަނގުރާމައިގެ ހާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތްތަކާއި ކުރެވޭ އަމުރުތަކަށް ނުކިޔަމަންތެރިކަން ދެއްކުމާއި، މިފަދަ ކަންތައްތަކަށް އެހެންމީހުންނަށް ހިތްވަރުދީ ހެދުމަށެވެ. އަދި ސިފައިންގެ މީހަކު ނުވަތަ ސިފައިންގެ ގިނަބަޔަކުވެގެން ތިރީގައި ބަޔާންކުރެވިފައިވާފަދަ އަމަލެއް ހިންގަން އުޅުމަކީވެސް މިގާނޫނުގައި "ސިފައިންގެ ތެރޭގައި ބަގާވާތްކުރުން" ކަމުގައި ބެލޭނެއެވެ.
- ތިމާމެންގެ އިސްމީހަކަށް ނުވަތަ ވެރިޔަކަށް ސިފައިންގެއިން ލިބިދީފައިވާ ބާރެއް ނިގުޅައިގަތުން.
- ދުށްމަނުންނާ ކުރިމަތިލާންޖެހޭފަދަ ހަނގުރާމައިގެ ހާލަތެއްގައި ތިމާމެންގެ ވެރިން ކުރާއަމުރުތަކަށް ނުކިޔަމަންތެރިވުމާއި، ހަވާލުކުރެވޭ މަސައްކަތްތަކާއި ޑިއުޓީތަކަށް ނުދިއުން.
- ސިފައިންގޭގައި ކުރަންޖެހޭ މަސައްކަތްތަކަށާއި އަދާކުރަންޖެހޭ ޑިއުޓީތަކަށް ހުރަސްއެޅުން.
- ޑިއުޓީގައިހުންނަ ސިފައިންގެ މީހަކަށް ނުކިޔަމަންތެރިކަން ދެއްކުމާއި ބާރުގެ ބޭނުންކުރުން.
- ސިފައިންގެ މީހަކު ޑިއުޓީއަށް ބަހައްޓާފައި ހުރި ތަނަކަށް ގަދަކަމުން ވަންނަން އުޅުން ނުވަތަ ބާރުގެ ބޭނުންކޮށްގެން، ބިރުދައްކައި އެތަނަކަށް ތިމާ ނުވަތަ އެހެން ބަޔަކު ވެއްދުން.
(ކ) "ފިތުނަފަސާދަ" ކަމަށް ބުނެފައި އެވަނީ، ސިފައިންގެ މީހުންގެ މެދުގައި ދައްކާ ވާހަކައަކުން ނުވަތަ ލިޔާ ލިޔުމަކުން ނުވަތަ ކުރާ އަމަލަކުން ނުވަތަ އިށާރާތަކުން ވިއަސް ފިތުނަފަސާދަ ނުވަތަ ހަމަނުޖެހުން އުފެއްދުން ނުވަތަ އުފައްދަން ކުރާ މަސައްކަތަށެވެ.
(އ) "ގައުމީ މަސްލަހަތު ހިމާޔަތް ކުރުން" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖެއަށް ބޭރުންނާއި، އެތެރެއިން ކުރިމަތިވާ ކަންކަމުގެ ސަބަބުން މުޅިގައުމަށް ނުވަތަ މުޖުތަމައުގެ ގިނަ ބަޔަކަށް ބޮޑެތި ގެއްލުންތަކެއް ލިބިދާފަދަ ކަންކަމާއި، އަދި ގައުމަށް ކުރިމަތިވާ ތަފާތު ކާރިސާތައް ފަދަ ކަންކަމުން، ދިވެހި ދައުލަތް ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމަށެވެ.
(ވ) "ޖެނެރަލް އޮފިސަރުން" ކަމަށް ބުނެފައިއެވަނީ، ބްރިގޭޑިއަރ ރޭންކުން ފެށިގެން މަތީގެ ރޭންކްތަކުގެ އޮފިސަރުންނަށެވެ.
(މ) "ރޫލްސް އޮފް އެންގޭޖްމަންޓް ގަވާއިދު" ކަމަށް ބުނެފައިއެވަނީ، އަސްކަރީ ބާރުތަކުން، ގާނޫނާ ހިލާފު އަމަލުތަކެއް ހިންގާ ބަޔަކާއި ނުވަތަ ދުށްމަނުންގެ ބާރަކާ ކުރިމަތިލާން ޖެހިއްޖެނަމަ ކުރިމަތި ލުމުގައި ގެންގުޅެންޖެހޭނެ އުސޫލުތަކާއި، މިންގަނޑުތަކާއި، ބޭނުންކުރެވޭނެ ބާރުގެ މިންވަރާއި، ހަމަލާދެވޭނޭ ގޮތްތަކާއި، އަދި ހަތިޔާރުން ހަމަލާދެވޭނެ ހާލަތްތައް ފަދަ ކަންކަން ބަޔާންކޮށްދޭ ގަވާއިދަށެވެ.
(ފ) "ދުށްމަން" ކަމަށް ބުނެފައި އެވަނީ، ރާއްޖޭގެ މިނިވަންކަމާ ސިޔާދަތަށް ގެއްލުންވާފަދަ އަމަލެއްކުރާ ބިދޭސީންނާއި، މިކަމުގައި އެމީހުންނާ ބައިވެރިވާ ދިވެހިންނަށެވެ.
(ދ) "ބަގާވާތްތެރިން" ކަމަށް ބުނެފައި އެވަނީ، ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތަށް ގެއްލުންވާފަދަ އަމަލެއް ކުރާ ދިވެހިންނެވެ.
---------------
ޖަދުވަލު 1
ސިފައިންގެ ހުވާ
"ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި، އިސްލާމްދީނާއި، ދިވެހިރާއްޖެ ދިފާއުކުރުމުގައި ތެދުވެރިކަމާއި، އަމާނާތްތެރިކަންމަތީގައި ދެމިހުރުމަށާއި، ދުށްމިނުންނާއި ބަގާވާތްތެރިންގެ ކިބައިން ދިވެހި ދައުލަތް ސަލާމަތްކުރުމުގައި، ހަށިގަނޑާއި، ފުރާނައިން ގުރުބާންވާންޖެހިއްޖެ ހާލަތެއްގައި ގުރުބާންވުމަށް ކެރިހުރެ، މާތް ﷲ ގަންދީ ހުވާކުރަމެވެ."
ކިޔުންތެރިންގެ ހިޔާލު