-

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2021-31) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު 

(ގާނޫނު ނަންބަރު 2021-31)

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2015-32) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

4. (ހ) (1) ވަކި ސިޔާސީ ނުވަތަ ދީނީ ނުވަތަ ހަރުކަށި ފިކުރެއް ކުރިއެރުވުމަށްޓަކައި؛

އަދި

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 22 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރުން 22.

(ހ) މި ގާނޫނުގެ 6 ވަނަ މާއްދާއާއި 7 ވަނަ މާއްދާއާއި 12 ވަނަ މާއްދާއާއި 14 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއް ކުރަން އުޅޭކަމުގެ ތުހުމަތުކުރެވޭ ފަރާތަކާމެދު ވަގުތުން ފިޔަވަޅު ނާޅައިފިނަމަ، އެފަދަ ފަރާތެއްގެ މައްޗަށް ތުހުމަތުކުރެވޭ ކުށް ކޮށްފާނެކަމަށް ބެލުމަށް ބުއްދިއަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރެއްޖެނަމަ، ކޯޓު އަމުރަކާ ނުލައި އެމީހަކު ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.

(ށ) މި ގާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއް ކޮށްފި ހިނދެއްގައި، އެ ކުށް ކުރި ކަމަށް ތުހުމަތުކުރެވޭ ފަރާތެއް، ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.

(ނ) މި ގާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއް ކުރި ކަމަށް ތުހުމަތުކުރެވޭ ފަރާތެއް، ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ހ)، (ށ) ނުވަތަ (ނ) ގެ ދަށުން މީހަކު ހައްޔަރުކުރަންވާނީ،ސަބް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދައާ އެކުގައެވެ.

(ބ) މި މާއްދާގެ (ހ)، (ށ) ނުވަތަ (ނ) ގެ ދަށުން މީހަކު ހައްޔަރުކުރުމުގައާއި، ހައްޔަރުކުރުމަށްފަހުގައި، ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 40 ވަނަ މާއްދާގެ (ބ) އަދި (ޅ) އާއި، 42 ވަނަ މާއްދާއާއި، 43 ވަނަ މާއްދާއާއި، 44 ވަނަ މާއްދާއާއި، 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކަށް ފުލުހުން އަމަލުކުރަންވާނެއެވެ.

(ޅ) މި މާއްދާގެ (ހ)، (ށ) ނުވަތަ (ނ) ގެ ދަށުން ހައްޔަރުކުރެވޭ މީހަކު، ކޯޓު އަމުރަކާ ނުލައި 48 (ސާޅީސްއަށެއް) ގަޑިއިރަށް ބަންދުގައި ބެހެއްޓުމުގެ ބާރު ދިވެހި ފުލުހުންގެ ހިދުމަތަށް ލިބިގެންވެއެވެ. 

(ކ) މި މާއްދާގެ ދަށުން މީހަކު ހައްޔަރުކުރުމުގައި، ހައްޔަރުކުރެވޭ މީހާ ކޮށްފާނެކަމަށް ބެލެވޭ ޓެރަރިޒަމްގެ އަމަލުން ލިބިދާނެކަމަށް ބެލެވޭ އެންމެހައި ގެއްލުންތަކެއް ކުޑަކުރުމަށްޓަކައި، ރައްކާތެރިކަމުގެ ގޮތުން އެހިނދަކަށް އަޅަންޖެހޭ އެންމެހައި ގާނޫނު ހުއްދަކުރާ ފިޔަވަޅުތައް ފުލުހުން އަޅަންވާނެއެވެ.  

(އ) މި މާއްދާގެ (ހ)، (ށ) ނުވަތަ (ނ) ގެ ދަށުން ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބިދޭ މީހަކު ހުރީ އަމިއްލަ ތަނެއްގައި ކަމަށް ބެލުމަށް އެކަށީގެންވާ ހެކި ލިބިފައިވާ ހާލަތުގައި، އެމީހަކު ހައްޔަރުކުރުމަށްޓަކައި، ކޯޓު އަމުރަކާ ނުލައި، އެތަނަކަށް ވަނުމާއި އެކަން ކުރަން އެކަށޭނަ މިންވަރެއްގެ ވަގުތަކަށް އެތަނެއްގައި މަޑުކުރުމުގެ، ނުވަތަ ތިބުމުގެ ބާރު، ފުލުހުންނަށް ލިބިގެންވެއެވެ. 

(ވ) މި މާއްދާގެ (އ) ގައި ބަޔާންކުރާ އަމިއްލަ ތަނަކީ، މީހުން ދިރިނޫޅޭ، ފަޅުކޮށް ދޫކޮށްލާފައިވާ ތަނެއް ކަމަށްވެފައި، އެތަނުގައި މި މާއްދާގެ (ހ)، (ށ) ނުވަތަ (ނ) ގައި ބަޔާންކުރާ ފަރާތެއް ހުރި ކަމަށް ގަބޫލުކުރުމަށް އެކަށީގެންވާ ހެކި ލިބިފައިވާނަމަ، އެފަރާތެއް ހައްޔަރުކުރުމަށްޓަކައި، ކޯޓު އަމުރަކާ ނުލައި،އެތަނަކަށް ވަނުމާއި، އެކަން ކުރަން އެކަށޭނަ މިންވަރެއްގެ ވަގުތަކަށް އެތަނެއްގައި މަޑުކުރުމުގެ، ނުވަތަ ތިބުމުގެ ބާރު، ފުލުހުންނަށް ލިބިގެންވެއެވެ.

(މ) މި މާއްދާގެ ދަށުން ފުލުހުން އަމިއްލަ ތަންތަނަށް ވަނުމުގައި، ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 30 ވަނަ މާއްދާގެ (ރ)، (ޅ)، (ކ)، (އ)، އަދި (ވ) ގައި ބަޔާންކުރާ އިޖުރާއަތުތަކަށް އަމަލުކުރަންވާނެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 1-22 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.

ހައްޔަރުކުރުމަށްފަހު އަމިއްލަ ތަންތަން ބަލައި ފާސްކުރުން 2-22.

(ހ) މި ގާނޫނުގެ 22 ވަނަ މާއްދާގެ (އ) ގެ ދަށުން، އެ މާއްދާގެ (ހ)، (ށ) ނުވަތަ (ނ) ގައި ބަޔާންކުރާ ފަރާތެއް އަމިއްލަ ތަނަކުން ހައްޔަރުކުރާ ހާލަތުގައި، މި ގާނޫނުގެ 6 ވަނަ މާއްދާއާއި 7 ވަނަ މާއްދާއާއި 12 ވަނަ މާއްދާއާއި 14 ވަނަ މާއްދާއާއި 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށަކާގުޅޭ ހެކި އެތަނުގައި ހުރިކަމަށް ގަބޫލުކުރުމަށް އެކަށީގެންވާ ސަބަބެއްވާނަމަ، އެ އެއްޗެއް ހޯދުމަށްޓަކައި، އަދި އެކަން ކުރަން އެކަށޭނަ މިންވަރެއްގެ ވަގުތަކަށް، އެތަނެއް މި މާއްދާގައިވާ ގޮތުގެމަތިން ބަލައި ފާސްކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އަމިއްލަ ތަނެއް ބަލައި ފާސްކުރެވޭނީ، އަންނަނިވި ހާލަތްތައް ވުޖޫދުގައިވާކަމަށް އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށް، ކުށުގެ ތުހުމަތުގައިވާ ފަރާތް ހައްޔަރުކުރި ފުލުހުންގެ އޮފިސަރަށް ގަބޫލުކުރެވޭ ހާލަތުގައި، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދަ ހޯދުމަށްފަހުގައެވެ.

  1. އެ ކުށާ ގުޅިގެން ހޯދަން ބޭނުންވާ ހެއްކެއް އެތަނުގައި ވާކަމަށް ގަބޫލުކުރުމަށް އެކަށީގެންވާ ސަބަބެއް އޮތުން؛ އަދި
  2. އެ ހެއްކަކީ އެ ކުށް ސާބިތުކުރުމަށްޓަކައި ހެކީގެ ގޮތުގައި ށަރީއަތަށް ހުށަހެޅުމަށް ބޭނުންތެރިވެދާނެ އެއްޗެއް ކަމަށް ގަބޫލުކުރުމަށް އެކަށީގެންވާ ސަބަބެއް އޮތުން؛ އަދި
  3. އެތަން އެވަގުތު ބަލައި ފާސްނުކޮށްފިނަމަ، އެ ކުށާގުޅޭ ހެކި ފޮރުވަފާނެ ކަމަށް ނުވަތަ ނައްތާލަފާނެ ކަމަށް ނުވަތަ ނެތިގެން ހިނގައިދާނެ ކަމަށް ނުވަތަ އެ ހެއްކަށް ބަދަލުގެނެސްދާނެ ކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބެއް އޮތުން.

(ނ) މި މާއްދާގެ ދަށުން ބަލައި ފާސްކުރަންވާނީ، އެ ބަލައި ފާސްކުރުމަށް ޒިންމާވާނެ އޮފިސަރަކު ކަނޑައެޅުމަށްފަހު، އެ އޮފިސަރުގެ ބެލުމުގެ ދަށުންނެވެ.

(ރ) މި މާއްދާގެ ދަށުން އަމިއްލަ ތަނެއް ބަލައި ފާސްކުރާއިރު އެތަނެއްގެ ވެރިފަރާތް އެތަނުގައި ހުރިނަމަ، އެތަން ބަލައި ފާސްކުރަންވާނީ، އެފަރާތުގެ ހާޒިރުގައެވެ. އެތަނުގެ ވެރިފަރާތް އެ ތާނގައި ހާޒިރުވެ ނެތް ހާލަތެއްގައި އެތަން ބަލައި ފާސްކުރަންވާނީ، އެފަރާތުގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ އެހެން ފަރާތެއްގެ ހާޒިރުގައެވެ. 

(ބ) މި މާއްދާގެ ދަށުން އަމިއްލަ ތަނެއް ބަލައި ފާސްކުރެވޭނީ، އެތަނުގައިވާ ކަމަށް ބެލެވޭ، މި މާއްދާގެ (ހ) ގައި ބަޔާންކުރާފަދަ ހެއްކެއް ހޯދުމަށްޓަކައި، އެކަން ކުރަން އެކަށޭނަ މިންވަރެއްގެ ވަގުތަކަށެވެ. އަދި އެފަދައިން ހިންގާ ބަލައި ފާސްކުރުމެއް، 6 (ހައެއް) ގަޑިއިރަށްވުރެ އިތުރުވެގެންނުވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކުރާ ވަގުތަށްވުރެ އިތުރަށް މި މާއްދާގެ ދަށުން އަމިއްލަ ތަނެއް ބަލައި ފާސްކުރަން އެދޭނަމަ، އެކަން ކުރަންވާނީ ކޯޓު އަމުރަކާ އެކުގައެވެ.

(ކ) މި މާއްދާގެ ދަށުން އަމިއްލަ ތަނެއް ބަލައި ފާސްކުރާ ފުލުހުންގެ އޮފިސަރުންނަށް އަންނަނިވި ކަންކަން ކުރެވިދާނެއެވެ.

  1. ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއް އެތަނުގައި ހުރިކަމަށްވާނަމަ، އަދި އެ އެއްޗެއް ފޮރުވުމުގެ ފުރުސަތު ނުވަތަ ނައްތާލުމުގެ ފުރުސަތު ނުވަތަ އެ އެއްޗަކަށް ބަދަލުގެނައުމުގެ ފުރުސަތު އޮތްކަމަށްއެ އޮފިސަރަކަށް ގަބޫލުކުރެވޭނަމަ، އެ އެއްޗެއް ހިފެހެއްޓުން؛
  2. އެތަނާއި އެތަނުގައި ހުރި ކަމާބެހޭ އެއްޗެހީގެ ފޮޓޯ އަދި/ނުވަތަ ވީޑިއޯ ނެގުން.

(އ) މި މާއްދާގެ (ކ) އެހެން އޮތްނަމަވެސް، ޑިޕްލޮމެޓިކް އިމްތިޔާޒުގެ ދަށުގައިވާ އެއްޗެއްސާއި، ގާނޫނީ އިމްތިޔާޒުގެ ދަށުގައިވާ އެއްޗެއްސާއި، ގާނޫނެއްގެ ދަށުން އިމްތިޔާޒު ލިބިގެންވާ އެނޫންވެސް އެއްޗެހި ހިފެހެއްޓުމުގެ ނުވަތަ އެ އެއްޗެހީގެ ފޮޓޯ އަދި/ނުވަތަ ވީޑިއޯ ނެގުމުގެ ބާރު ފުލުހުންނަށް ލިބިގެނެއް ނުވެއެވެ.

(ވ) މި މާއްދާގެ (ކ) ގެ ދަށުން ހިފަހައްޓާ މުދަލުގެ އިންވެންޓަރީއެއް، ބަލައި ފާސްކުރާ އޮފިސަރު އެކުލަވާލަންވާނެއެވެ. އެކަން ކުރަންވާނީ، ފުލުހުންގެ އެހެން އޮފިސަރަކާއި، ތަނުގެ ވެރިފަރާތުގެ ނުވަތަ ތަނުގެ ވެރިފަރާތް ނެތް ހާލަތެއްގައި ވެރިފަރާތުގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތެއްގެ ހާޒިރުގައެވެ. އަދި އެ އިންވެންޓަރީގެ ކޮޕީއެއް، ތަނުގެ ވެރިފަރާތަށް، ނުވަތަ އޭނާ ނެތް ހާލަތެއްގައި ވެރިފަރާތުގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތަށް ފުލުހުންގެ އޮފިސަރު ދޭންވާނެއެވެ.

(މ) މި މާއްދާގެ ދަށުން އަމިއްލަ ތަނެއް ބަލައި ފާސްކުރުމާ ހަވާލުވެހުރި ފުލުހުންގެ އޮފިސަރު، އެ ބަލައި ފާސްކުރުމާގުޅޭ މައުލޫމާތު ލިޔުމުން ރެކޯޑުކުރަންވާނެއެވެ. އެގޮތުން ރެކޯޑުކުރުމުގައި، ބަލައި ފާސްކުރާ ތަނަށް ވަން ވަގުތާއި، އެތަނުގައި ހާޒިރުވެ ތިބި މީހުންނާއި، ބަލައި ފާސްކުރުމަށް ޒިންމާވި އޮފިސަރާއި، ބަލައި ފާސްކުރި އޮފިސަރުންނާއި، ބަލައި ފާސްކުރެވުނީ ކޮން ބާވަތެއްގެ ހެއްކެއް ހޯދަން ކަމާއި، ބަލައި ފާސްކުރެވޭ ތަނުން ނެގޭ ކޮންމެ އެއްޗެއްގެ ތަފްސީލު، އެ އެއްޗެއް ނެގުނު ތަން އެނގޭނެ ގޮތަށް ބަޔާންކުރަންވާނެއެވެ.

(ފ) މި މާއްދާގެ (މ) ގެ ދަށުން ރެކޯޑުކުރާ މައުލޫމާތުގެ ތެރޭގައި، މި މާއްދާގެ ދަށުން ބަލައި ފާސްކުރުމަށް ހުއްދަ ދިން އެގްޒެކެޓިވް އޮފިސަރުގެ ނަމާއި މަގާމާއި އެ ހުއްދަ ދިން ވަގުތާއި، އެ އޮފިސަރު ހުއްދަކޮށްފައިވާ ބަލައި ފާސްކުރުމުގެ ދާއިރާ ބަޔާންކުރަންވާނެއެވެ. އަދި އެ ރެކޯޑުގައި ބަލައި ފާސްކުރި އޮފިސަރުންގެ އިތުރުން، އެކަމަށް ހުއްދަ ދިން އޮފިސަރު ސޮއިކޮށްފައި އޮންނަންވާނެއެވެ.

(ދ) މި މާއްދާގެ (މ) ގައި ބަޔާންކުރާ މައުލޫމާތު، އެތަނެއް ބަލައި ފާސްކޮށް ނިންމައި، ތަން ދޫކޮށް ދިޔުމުގެ ކުރިން ލިޔުމުން ރެކޯޑުކޮށް ނިންމަންވާނެއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 26 ވަނަ މާއްދާގެ އަރިމަތީ ސުރުހީ، އަދި އެ މާއްދާގެ (ހ)، (ށ)، (ނ)، (ރ) އަދި (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ބަންދުގައި ބެހެއްޓުމާމެދު ގޮތެއް ނިންމުން 26.

(ހ) މި ގާނޫނުގެ 22 ވަނަ މާއްދާގެ (ހ)، (ށ) ނުވަތަ (ނ) ގެ ދަށުން ހައްޔަރުކުރެވޭ ފަރާތެއް ބަންދުކޮށްފައިވަނީ ގާނޫނީ ހަމަތަކުގެމަތިންތޯ ކަނޑައެޅުމަށްޓަކައި، އެމީހަކު ހައްޔަރުކުރެވޭތާ ގިނަވެގެން 48 (ސާޅީސްއަށެއް) ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަންވާނެއެވެ.

(ށ) މި ގާނޫނުގެ 6 ވަނަ މާއްދާއާއި 7 ވަނަ މާއްދާއާއި 12 ވަނަ މާއްދާއާއި 14 ވަނަ މާއްދާއާއި 16 ވަނަ މާއްދާގައި ބަޔާންކުރާ ކުށްތައް ފިޔަވައި މި ގާނޫނުގައި ބަޔާންކުރާ އެހެން ކުށެއް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ފަރާތެއް ބަންދުކޮށްފައިވަނީ ގާނޫނީ ހަމަތަކުގެމަތިންތޯ ކަނޑައެޅުމަށްޓަކައި، އެމީހަކު ހައްޔަރުކުރެވޭތާ ގިނަވެގެން 24 ސައުވީސް) ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަންވާނެއެވެ.

(ނ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް އޭނާ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރެވުމާއެކު، އޭނާ ހައްޔަރުކޮށްފައިވަނީ ގާނޫނީ ހަމަތަކުގެ މަތިންތޯ ކަނޑައެޅުމުގައި، އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް ކުރިކަމަށް ނުވަތަ ކޮށްފާނެކަމަށް ބެ ލުމަށް ބުއްދިއަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރެގެންތޯ ބެލުމާއެކު، ފުލުހުން އަމަލުކުރަންޖެހޭ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިންތޯ ފަނޑިޔާރު ބަލަންވާނެއެވެ. އަދި އަންނަނިވި ހާލަތްތައް ވުޖޫދުގައިވާނަމަ، އޭނާ ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރު އަމުރުކުރަންވާނެއެވެ.

  1. ޓެރަރިޒަމްގެ އަމަލެއް ދުރުނޫން މުސްތަގުބަލެއްގައި ހިނގާފާނެ ކަމުގެ އިންޓެލިޖެންސް ފުލުހުންނަށް ލިބިފައިވާ ހާލަތެއްގައި، އެކަން ހުއްޓުވުމަށް ބޭނުންވާ މައުލޫމާތެއް، ތުހުމަތުގައިވާ ފަރާތަށް ލިބިފައިވާ ކަމަށް ބެލުމަށް ފުލުހުންގެ ތަހްގީގަށް ހެކި ލިބިފައިވާނަމަ؛ ނުވަތަ
  2. ޓެރަރިޒަމްގެ އަމަލެއް ދުރުނޫން މުސްތަގުބަލެއްގައި ހިނގާފާނެ ކަމުގެ އިންޓެލިޖެންސް ފުލުހުންނަށް ލިބިފައިވާ ހާލަތެއްގައި، އަދި އެ އަމަލު ރޭވިކަމުގެ ހެކި ލިބެން އޮތީ ކުށުގެ ތުހުމަތުގައިވާ މީހާއާ ސުވާލުކޮށްގެން ކަމަށް ފުލުހުންގެ ތަހްގީގަށް ހެކި ލިބިފައިވާނަމަ؛ ނުވަތަ
  3. ކުށުގެ ތުހުމަތުގައިވާ މީހާ ދޫކޮށްލައިފިނަމަ، ޓެރަރިޒަމްގެ އަމަލަކާގުޅޭ ހެކި ފޮރުވަފާނެ ކަމަށް ނުވަތަ އެފަދަ މައްސަލައެއްގައި ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެ ކަމަށް ބެލުމަށް ފުލުހުންގެ ތަހްގީގަށް ހެކި ލިބިފައިވާނަމަ؛ ނުވަތަ
  4. ކުށުގެ ތުހުމަތުގައިވާ މީހާ ފިލާފާނެ ކަމަށް ބެލުމަށް ފުލުހުންގެ ތަހްގީގަށް ހެކި ލިބިފައިވާނަމަ؛ ނުވަތަ
  5. ކުށުގެ ތުހުމަތުގައިވާ މީހާ ބަންދުން ދޫކޮށްލައިފިނަމަ، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބެލުމަށް ފުލުހުންގެ ތަހްގީގަށް ހެކި ލިބިފައިވާނަމަ.

(ރ) މި މާއްދާގެ (ނ) ގެ ބޭނުމަށްޓަކައި، އެ އަކުރުގައި ބަޔާންކުރާ ހާލަތްތަކުގެ ތެރެއިން ހާލަތެއް އޮތް ކަމަށް ބަޔާންކުރާ، އަދި މި ގާނޫނުގެ 27 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކުރާ ކަންކަން ފުރިހަމަވެފައިވާ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެއް އެއީ، ފުލުހުންގެ ތަހްގީގަށް ލިބިފައިވާ އެކަށީގެންވާ ހެއްކެއް ކަމުގައި ބެލޭނެއެވެ.

(ބ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ ހާލަތެއް ވުޖޫދުގައިވޭތޯ ކޯޓުން ކަނޑައެޅުމުގައި ކޯޓުން ރިއާޔަތްކުރަންވާނެ މިންގަނޑަކީ މަދަނީ މިންގަނޑެވެ. އެގޮތުން، ކޯޓުން ބަލަންވާނީ، ފުލުހުން ހުށަހަޅާ ކަންކަމަށް ބަލާއިރު، އެއިން ހާލަތެއް ވުޖޫދުގައި އޮތުން އެ ހާލަތް ވުޖޫދުގައި ނެތުމަށްވުރެ ގާތްތޯ ބެލުމުގެ މައްޗަށެވެ.

 

5 .ބުނެވިދިޔަ ގާނޫނުގެ 26 ވަނަ މާއްދާގެ (މ) އަދި (ފ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(މ) މި މާއްދާގެ ދަށުން ބަލާ މައްސަލައެއްގައި މީހެއްގެ ބަންދުގެ މުއްދަތު ފަނޑިޔާރު އިތުރުކޮށްދޭންވާނީ، ފުރަތަމަ ފަހަރު ނަމަ، ބަންދުގެ މުއްދަތު 7 (ހަތެއް) ދުވަހަށްވުރެ އިތުރުނުވާނެ ގޮތުގެމަތިންނެވެ. އަދި މި މާއްދާގެ ދަށުން މީހެއްގެ ބަންދުގެ މުއްދަތު އެންމެ ގިނަވެގެން އިތުރުކޮށްދެވޭނީ، ޖުމްލަ 14 (ސާދަ) ދުވަހުގެ މުއްދަތަށެވެ. 

(ފ) މި މާއްދާގެ (މ) އެހެން އޮތްނަމަވެސް، ކުށުގެ ތުހުމަތުކުރެވޭ މީހާ އެ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ލިބިފައިވާނަމަ، އަދި އޭނާ ބަންދުން ދޫކޮށްލައިފިނަމަ ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 60 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުން ފެށިގެން (4) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެދާނެ ކަމަށް ފަނޑިޔާރަށް ގަބޫލުކުރެވިއްޖެ ހާލަތެއްގައި، އޭނާގެ ށަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ފަނޑިޔާރު އަމުރުކުރަންވާނެއެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 26 ވަނަ މާއްދާގެ (ފ) ގެ ފަހަތަށް އަންނަނިވި ފަދައިން ހަތަރު އަކުރު އިތުރުކުރުން.

26. (ދ) މި މާއްދާގެ (ފ) ގައި ބަޔާންކުރާ ހާލަތުގައި، ކުށުގެ ތުހުމަތުގައިވާ ފަރާތް އެ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ލިބިފައި ނެތް ހާލަތެއްގައި، ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 60 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުން ފެށިގެން (4) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ ސަބަބުތަކުގެ ތެރެއިން ސަބަބެއް އޮތްނަމަ، އަދި އޭނާގެ މައްޗަށް އެ މައްސަލައިގައި ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުރެއްޖެނަމަ، އެ ގާނޫނުގެ 59 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ފަނޑިޔާރު ރިއާޔަތްކޮށް، 15 (ފަނަރަ) ދުވަހަށްވުރެ އިތުރުނުވާނެ ގޮތުގެމަތިން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރެވިދާނެއެވެ.

(ތ) މި މާއްދާގެ (ދ) ގައި ބަޔާންކުރާ މުއްދަތު ހަމަވުމަށްފަހުގައިވެސް އެ މާއްދާގެ ދަށުން ބަންދުކުރެވޭ މީހާ، އިތުރަށް ބަންދުގައި ބެހެއްޓުމަށް ފުލުހުން ބޭނުންނަމަ، އެ މުއްދަތު ހަމަވުމުގެ ކުރިން އޭނާ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމުން،އިތުރު މުއްދަތަކަށް އޭނާ ބަންދުގައި ބެހެއްޓުމުގެ ހުއްދަ ދިނުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ. އެހެންނަމަވެސް، އޭނާއާ އެ ކުށާ ގުޅުވައިދޭ އެކަށީގެންވާ މިންވަރެއްގެ ހެއްކެއް އެހާތަނަށްވެސް ލިބިފައިނުވާނަމަ، އެފަދައިން އިތުރުކޮށްދޭ މުއްދަތު، 15 (ފަނަރަ) ދުވަހަށްވުރެ އިތުރުވެގެން ނުވާނެއެވެ.

(ލ) މި މާއްދާގެ (ތ) އެހެން އޮތްނަމަވެސް، އޭނާ ބަންދުކޮށްފައިވަނިކޮށް، އޭނާ އެ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ލިބިއްޖެނަމަ، އޭނާ 15 (ފަނަރަ) ދުވަހަށްވުރެ ދިގު މުއްދަތަކަށް، ނުވަތަ ށަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރު އަމުރުކުރަންވާނެއެވެ.

(ގ) މި މާއްދާގެ (ފ) ނުވަތަ (ލ) ގެ ދަށުން ށަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހެއްގެ މައްޗަށް ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 60 ވަނަ މާއްދާގެ (ވ) އެއް ނުހިނގާނެއެވެ. އެހެންނަމަވެސް، އޭނާ ށަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތްކަމަށް އަދި އޭނާ ބަންދުން ދޫކޮށްލައިފިނަމަ، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތެއް ނެތް ކަމަށް، މައްސަލައިގެ އެންމެހައި ކަންކަމަށް ރިއާޔަތްކުރާއިރު، ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިއްޖެ ހިނދެއްގައި، އޭނާ ށަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް ކޮށްފައިވާ އަމުރު ބާތިލުކުރުމަށް އެދި ކޯޓަށް ހުށަހެޅުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 1-28 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

28-1. (ރ) މި މާއްދާގެ (ހ) އަދި (ށ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، އެ ދެ އަކުރުގައި ބަޔާންކުރާ މީހެއްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށާއި މައްސަލައިގެ ބާވަތުން، އެއީ އެ ދެ އަކުރުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި އެ މައްސަލައިގެ ތަހްގީގު ފުރިހަމަކުރެވިދާނެ މައްސަލައެއް ކަމުގައިނުވާނަމަ، އެ މައްސަލައިގެ ތަހްގީގު ފުރިހަމަކުރުމަށްޓަކައި މުއްދަތު އިތުރުކޮށްދިނުމަށް އެދި ސަބަބު ބަޔާންކޮށް ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށަހެޅިދާނެއެވެ. އެހެންނަމަވެސް، އެފަދައިން ޕްރޮސިކިއުޓަރ ޖެނެރަލް އިތުރުކޮށްދޭ މުއްދަތު، މި މާއްދާގެ (ހ) ގެ ދަށުން 45 (ސާޅީސްފަހެއް) ދުވަހަށްވުރެ އިތުރުވެގެންނުވާނެއެވެ. އަދި މި މާއްދާގެ (ށ) ގެ ދަށުން އިތުރުކޮށްދޭ މުއްދަތު، 75 (ހަތްދިހަފަހެއް) ދުވަހަށްވުރެ އިތުރުވެގެންނުވާނެއެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 1-28 ވަނަ މާއްދާގެ (ޅ) ގެ ފަހަތަށް އަންނަނިވި ފަދައިން ފަސް އަކުރު އިތުރުކުރުން.

28-1. (ކ) މި މާއްދާގެ (ރ) ގެ ދަށުން އިތުރުކޮށްދޭ މުއްދަތުގައިވެސް އެ މައްސަލައިގެ ތަހްގީގު ފުރިހަމަކުރެވިފައިނުވާނަމަ، އަދި އެފަދައިން ތަހްގީގު ފުރިހަމަކުރެވިފައިނުވަނީ ފުލުހުންގެ ބާރުނުފޯރުވޭ ކަމެއް މެދުވެރިވުމުގެ ސަބަބުން ކަމުގައިވާނަމަ، އިތުރު އެއް ފަހަރު އެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށަހެޅިދާނެއެވެ. އަދި އެފަދައިން އެ މައްސަލައިގެ ތަހްގީގު ފުރިހަމަކުރެވިފައިނުވާ ސަބަބަށް ރިއާޔަތްކޮށް، 15 (ފަނަރަ) ދުވަހަށްވުރެ އިތުރުނުވާނެ ގޮތުގެމަތިން ޕްރޮސިކިއުޓަރ ޖެނެރަލަށް އެ މުއްދަތު އިތުރުކޮށްދެވިދާނެއެވެ.

(އ) މި މާއްދާގެ (ކ) ގެ ދަށުން ތަހްގީގުކުރުމުގެ މުއްދަތު އިތުރުކޮށްދޭ ހާލަތުގައިވެސް، ދައުވާ އުފުލުމާ ގުޅޭގޮތުން މި މާއްދާގެ (ޅ) ގައި ބަޔާންކުރާ މުއްދަތާއި އިޖުރާއަތު ހިނގާނެއެވެ.

(ވ) މި މާއްދާގެ (ކ) އަދި (އ) ގައި ބަޔާންކުރާ މުއްދަތުތަކުގައި މި މާއްދާގެ (ހ) ނުވަތަ (ށ) ގައި ބަޔާންކުރާ މީހެއްގެ ތަހްގީގު ފުރިހަމަކޮށް އެމީހެއްގެ މައްޗަށް ދައުވާ އުފުލާފައިނުވާނަމަ، މި މާއްދާގެ (މ) ގައި ބަޔާންކުރާ ހާލަތުގައި މެނުވީ އޭނާގެ މައްޗަށް ދައުވާ އުފުލައިގެންނުވާނެއެވެ.

(މ) މި މާއްދާގެ (ކ) އަދި (އ) ގައި ބަޔާންކުރާ މުއްދަތުތަކުގައި މި މާއްދާގެ (ހ) ނުވަތަ (ށ) ގައި ބަޔާންކުރާ މީހެއްގެތަހްގީގު ފުރިހަމަކޮށް އެމީހެއްގެ މައްޗަށް ދައުވާ އުފުލާފައިނުވިނަމަވެސް، އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައިގައި އާ ހެކި ލިބިއްޖެނަމަ، އެ މައްސަލައެއް އަލުން ތަހްގީގުކުރުމަށްފަހުގައި ކުށުގެ ތުހުމަތުކުރެވޭ ފަރާތުގެ މައްޗަށް ދައުވާ އުފުލުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.

(ފ) މި މާއްދާގެ (މ) ގެ ދަށުން އަލުން ތަހްގީގުކުރުމަށްފަހު ދައުވާ އުފުލާ ހާލަތުގައި، އެފަރާތުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަ ތަހްގީގުކޮށް ދައުވާ އުފުލުމާ ގުޅޭގޮތުން މި މާއްދާގެ (ހ) އިން ފެށިގެން (ޅ) ގެ ނިޔަލަށް ހުރި އަކުރުތަކުގައި ބަޔާންކުރާ މުއްދަތުތަކާއި އިޖުރާއަތުތައް ހިނގާނެއެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 4-28 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

28-4. (ރ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ޓެރަރިޒަމްގެ އަމަލެއް ހުއްޓުވުމަށްޓަކައި ނުވަތަ ޓެރަރިޒަމްގެ އަމަލެއް ހިނގުމާ ގުޅިގެން ހިންގަންޖެހޭ ޖިނާއީ ތަހްގީގުތަކާގުޅޭ އެންމެހައި ކަންކަން ކުރާނީ، ދިވެހި ފުލުހުންގެ ހިދުމަތުންނެވެ. އެގޮތުން، ތަހްގީގަށްޓަކައި ކުށުގެ ވެށި ރައްކާތެރިކުރުމާއި ހެކި ހޯދުމާއި ހެކި ރައްކާތެރިކުރުމާއި، އެނޫންވެސް ތަހްގީގީ އިދާރާއެއްގެ ހައިސިއްޔަތުން ގާނޫނުގައިވާ ގޮތުގެމަތިން އަޅަންޖެހޭ ފިޔަވަޅުތައް، ދިވެހި ފުލުހުންގެ ހިދުމަތުންއަޅަމުންގެންދިޔުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 4-28 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.

ޖިނާއި އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަންޖެހޭ ހާލަތު 5-28. 

މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށަކާ ގުޅޭގޮތުން ތަހްގީގު ހިންގުމުގައާއި، މީހުން ހައްޔަރުކޮށް ބަންދުކުރުމާއި، ދައުވާއުފުލުމާ ގުޅޭގޮތުން މި ގާނޫނުގައި ކަނޑައެޅިގެން ވަކި އިޖުރާއަތުތަކެއް ނުވަތަ މުއްދަތުތަކެއް ބަޔާންކޮށްފައިނުވާ ކަންކަމުގެ މައްޗަށް ހިނގާނީ ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގައި ބަޔާންކުރާ މުއްދަތުތަކާއި އިޖުރާއަތުތަކެވެ.

 

11 ބުނެވިދިޔަ ގާނޫނުގެ 45 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ތުހުމަތުކުރެވޭ ކުޑަކުދިންގެ މައްޗަށް މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ ފިޔަވަޅު ހިންގުން 45. 

މި ގާނޫނުގެ ދަށުން ތުހުމަތުކުރެވޭ ފަރާތަކީ 18 (އަށާރަ) އަހަރު ނުފުރޭ ކުޑަކުއްޖެއް ކަމުގައި ވީނަމަވެސް، އެ ކުއްޖަކަށް 15 (ފަނަރަ) އަހަރު ފުރިފައިވާނަމަ، އެ ކުއްޖެއްގެ މައްޗަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތައް ހިންގޭނެއެވެ.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ އަށްވަނަ ބާބު އަންނަނިވި ގޮތަށް އިސްލާހުކުރުން.

 

އަށްވަނަ ބާބު

އަނބުރާ އަންނަ ހަނގުރާމަވެރިންނާގުޅޭ ހާއްސަ އިޖުރާއަތުތައް 

 

އަނބުރާ އަންނަ ހަނގުރާމަވެރިންގެ މައްޗަށް މި ބާބުގައިވާ އުސޫލުތައް ހިނގުން 3-60.

(ހ) ދިވެހިރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށްފަހު ނުވަތަ ދިވެހިރާއްޖެއިން ބޭރުގެ ހަނގުރާމަވެރި ސަރަހައްދަކަށް ދިޔުމަށްފަހު އަނބުރާ ދިވެހިރާއްޖެއަށް އަންނަ ހަނގުރާމަވެރިންނާމެދު އަމަލުކުރާނީ، މި ބާބުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ށ) މި ބާބުގައި "ހަނގުރާމަވެރިން" ކަމަށް ބުނެފައި އެވަނީ، އަންނަނިވި މަގްސަދުތަކުގެ ތެރެއިން މަގްސަދަކަށްޓަކައި ދިވެހިރާއްޖެ ދޫކޮށް ދާ ފަރާތްތަކަށެވެ.

  1. ބޭރު ގައުމެއްގައި ޓެރަރިސްޓް ޖަމާއަތަކުން ނުވަތަ އެފަދަ ޖަމާއަތަކަށް ނިސްބަތްނުވާ ޓެރަރިސްޓުން ހިންގާ ހަނގުރާމައެއްގައި ބައިވެރިވުމަށް؛
  2. ޓެރަރިޒަމްގެ އަމަލުތައް ހިންގަން ރޭވުމަށް، ނުވަތަ ތައްޔާރުވުމަށް، ނުވަތަ އެފަދަ އަމަލު ހިންގުމުގައި ބައިވެރިވުމަށް ނުވަތަ އެހީތެރިވުމަށް؛
  3. ހަނގުރާމަކުރުން ހިމެނޭގޮތަށް ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ތަމްރީނު ފޯރުކޮށްދިނުމަށް ނުވަތަ ލިބިގަތުމަށް.

(ނ) އެނޫން ގޮތަކަށް ސާބިތުނުވާހާ ހިނދަކު، އަންނަނިވި ފަރާތްތަކަކީ މި ބާބުގެ އަދި މި ގާނޫނުގެ ނުވަވަނަ ބާބުގެ ބޭނުމަށްޓަކައި ހަނގުރާމަވެރިން ކަމުގައި ބެލޭނެއެވެ.

  1. ދިވެހިރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށްފަހު ނުވަތަ ދިވެހިރާއްޖެއިން ބޭރުގެ ހަނގުރާމަވެރި ސަރަހައްދަކަށް ދިޔުމަށްފަހު އަނބުރާ ދިވެހިރާއްޖެއަށް އަންނަ ފަރާތްތަކާއި، އެމީހުންނާއެކު އެފަދަ ސަރަހައްދަކުން އަންނަ އެމީހުންގެ އާއިލާގެ މެންބަރުން؛
  2. ހަނގުރާމަވެރި ސަރަހައްދެއް ހިމެނޭ ގައުމަކަށް ނުވަތަ އެފަދަ ސަރަހައްދަކަށް އެއްގަމުމަގުން ދެވޭނެ، ހަނގުރާމަވެރި ސަރަހައްދު ނިސްބަތްވާ ގައުމާ އިންވެގެންވާ އެހެން ގައުމަކަށް ދިޔުމަށްފަހު، އެފަރާތުން އެފަދަ ތަނެއްގައި މަޑުކޮށްފައިވާ ސައްހަ ސަބަބެއް ބަޔާންކޮށްނުދެވޭ ފަރާތްތައް؛
  3. މި އަކުރުގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ފަދަ ތަނަކަށް ދިޔަ ކަމަށް ގަބޫލުކުރެވޭ އެހެން ސަބަބުތައް ހުރުމާއެކު، އެފަރާތުގެ ރަސްމީ ޓްރެވަލް ޑޮކިއުމަންޓެއް ނެތުން ނުވަތަ އެފަދަ ޑޮކިއުމަންޓެއްގެ މުއްދަތު ހަމަވުމަށްފަހުގައިވެސް އެ ޑޮކިއުމަންޓް އާކޮށްފައިނުވުން ނުވަތަ އެކަން ރިޕޯޓްކޮށްފައިނުވުން.

(ރ) މި މާއްދާގެ (ނ) ގެ ބޭނުމަށްޓަކައި، ހަނގުރާމަވެރިންގެ މާނައިގެ ތެރޭގައި އުމުރުން 15 (ފަނަރަ) އަހަރަށްވުރެ ދަށުގެ ކުދިންނެއް ނުހިމެނެއެވެ.

 

އަނބުރާ އަންނަ ހަނގުރާމަވެރިންނާމެދު ފިޔަވަޅުއެޅުން 4-60.

(ހ) މި ގާނޫނުގެ 3-60 ވަނަ މާއްދާގައި ބަޔާންކުރާ ހަނގުރާމަވެރިޔަކު ދިވެހިރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށްފަހު ނުވަތަ ދިވެހިރާއްޖެއިން ބޭރުގެ ހަނގުރާމަވެރި ސަރަހައްދަކަށް ދިޔުމަށްފަހު ދިވެހިރާއްޖެއަށް އެނބުރި އަތުވެއްޖެނަމަ، އެފަދަ ފަރާތަކާމެދު އަންނަނިވި ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް އަޅަންވާނެއެވެ.

  1. މި ގާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ހައްޔަރުކުރުމާއެކު، މި ގާނޫނުގެ 26 ވަނަ މާއްދާގެ ދަށުން ބަންދުކުރުން؛ ނުވަތަ 
  2.  މި ގާނޫނުގެ ހަވަނަ ބާބުގައި ބަޔާންކުރާ މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތައް ހިންގުން؛ ނުވަތަ
  3. މި ގާނޫނުގެ ނުވަވަނަ ބާބުގެ ދަށުން ރީހެބިލިޓޭށަން ޕްރޮގްރާމެއްގައި ބައިވެރިވާން ލާޒިމުކުރުން؛ ނުވަތަ
  4. މި ގާނޫނުގެ 6-60 ވަނަ މާއްދާގެ ދަށުން ބަންދުކުރުން.

(ށ) މި މާއްދާގެ (ރ) ގައި ބަޔާންކުރާ ހާލަތުގައި މެނުވީ، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރާތަކާމެދު އެ އަކުރުގެ (1) ވަނަ ނަންބަރުން ފެށިގެން (4) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ ތެރެއިން، އެއް ފިޔަވަޅަށްވުރެ ގިނަ ފިޔަވަޅު އެޅިދާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރާތަކާމެދު އެ އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ފިޔަވަޅު އަޅަންވާނީ، އެފަރާތަކީ މި ގާނޫނުގައި ބަޔާންކުރާ ޓެރަރިޒަމްގެ ކުށެއް ކުރި ފަރާތެއް ކަމުގައި ނުވަތަ އެފަދަ ކުށެއް ކުރުމުގައި ބައިވެރިވި ފަރާތެއް ކަމުގައި ބެލެވޭނަމައެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރާތަކާމެދު އެ އަކުރުގެ (4) ވަނަ ނަންބަރުގައި ބަޔާންކުރާ ފިޔަވަޅު އަޅަންވާނީ، މި ގާނޫނުގެ 6-60 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތުގައެވެ. އަދި އެފަދަ ފަރާތަކާމެދު އެ އަކުރުގެ (4) ވަނަ ނަންބަރުގެ ދަށުން ފިޔަވަޅު އަޅާ ހާލަތުގައި، އެ އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ފިޔަވަޅެއް އެފަރާތަކާމެދު އަޅައިގެންނުވާނެއެވެ.

(ބ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރާތެއް، އެ އަކުރުގެ (1) ވަނަ ނަންބަރުގެ ދަށުން ހައްޔަރުކޮށް ބަންދުކުރަން ނިންމައިފިނަމަ، އެފަރާތެއް ބަންދުގައި ބަހައްޓަންވާނީ، ކުށުގެ ތުހުމަތުގައިވާ ފަރާތްތައް ބަންދުކުރުމަށް ގާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގައިވާ ގޮތުގެމަތިން ކަނޑައަޅާފައިވާ ކަސްޓޯޑިއަލް ނުވަތަ ރިމާންޑް ޖަލެއްގައެވެ.

(ޅ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ފަރާތެއް ކޯޓު އަމުރެއްގެ ދަށުން ބަންދުކުރާ ހާލަތުގައި ފިޔަވައި އެނޫން ހާލަތްތަކުގައި، މި މާއްދާގެ (ބ) ގައި ބަޔާންކުރާ ތަނެއްގައި ބަންދުގައި ބެހެއްޓޭނީ، 48 (ސާޅީސްއަށެއް) ގަޑިއިރުވަންދެނެވެ.

(ކ) މި މާއްދާގެ (ޅ) ގެ ދަށުން ބަންދުކޮށްފައިވާ ފަރާތެއްގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި، އެ އަކުރުގައި ބަޔާންކުރާ މުއްދަތު ހަމަވުމުގެ ކުރިން އޭނާ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަންވާނެއެވެ.

(އ) މި މާއްދާގެ (ކ) ގެ ދަށުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރެވޭ މީހުންގެ މައްޗަށް، މި ގާނޫނުގެ 26 ވަނަ މާއްދާގައި ބަޔާންކުރާ އުސޫލުތައް ހިނގާނެއެވެ.

(ވ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރާތަކާމެދު އެ އަކުރުގައި ބަޔާންކުރާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް އެޅުމުގެ އިތުރުން، އެފަދަ ފަރާތެއް ދިވެހިރާއްޖެ އައުމާއެކު، އެފަރާތަކާގުޅޭ އިންޓެލިޖެންސް ޑީ -ބްރީފިންގ އެއް ފުލުހުން ހަދަންވާނެއެވެ.

 

ހަނގުރާމަވެރި ސަރަހައްދުގައި އުފަންވާ ކުދިންގެ އުފަންވުން ރަޖިސްޓަރީކުރުން 5-60

(ހ) ހަނގުރާމަވެރި ސަރަހައްދެއްގައި ދިވެހިރައްޔިތުންނަށް އުފަންވެފައިވާ ކުދިންގެ އުފަންވުން، ކަމާބެހޭ ގާނޫނުގައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިނުވާނަމަ، އެކުދިން ދިވެހިރާއްޖެއަށް އަނބުރާ އައުމުގެ ކުރިން، އެކުދިންގެ އުފަންވުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރަންވާނެއެވެ.

(ށ) ހަނގުރާމަވެރި ސަރަހައްދެއްގައި އުފަންވެފައިވާ ކުއްޖެއްގެ އުފަންވުން ރަޖިސްޓަރީކުރުމަށް ކަމާބެހޭ ގާނޫނުގައި ބަޔާންކުރާ ލިޔެކިޔުން ހުށަހަޅާފައިނުވާނަމަ، އެ ކުއްޖެއްގެ އުފަންވުން ރަޖިސްޓަރީކޮށްދެވޭނީ، އެ ކުއްޖަކީ، އެ ކުއްޖެއްގެ މައިންބަފައިން ނުވަތަ އޭގެ ތެރެއިން އެއް ފަރާތް ކަމަށް ބުނާ ދިވެހި ރައްޔިތަކަށް އުފަން ދަރިއަކުކަމާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި، މި މާއްދާގައިވާ ގޮތުގެމަތިން ކޯޓަށް މައްސަލަ ހުށަހަޅައި، އެ ކުއްޖެއްގެ އުފަންވުމާމެދު ކޯޓުން ގޮތެއް ކަނޑައެޅުމުންނެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ކޯޓަށް މައްސަލަ ހުށަހަޅާނީ، އެ ކުއްޖާގެ ބެލެނިވެރިޔާ، ނުވަތަ ބެލެނިވެރިޔާ ޕަވަރ އޮފް އެޓަރނީއެއް މެދުވެރިކޮށް ކަނޑައަޅާ ފަރާތަކުންނެވެ.

(ރ) މި މާއްދާގެ (ށ) ގެ ދަށުން ކޯޓަށް ހުށަހެޅޭ މައްސަލައެއްގައި، އެ މައްސަލަ ނިސްބަތްވާ ކުއްޖަކީ، އެ ކުއްޖެއްގެމައިންބަފައިން ނުވަތަ އޭގެ ތެރެއިން އެއް ފަރާތް ކަމަށް ބުނާ ދިވެހި ރައްޔިތަކަށް އުފަން ދަރިއަކުކަމާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި ހުށަހެޅޭ އަންނަނިވި ބާވަތުގެ ހެއްކަކީ ށަރީއަތަށް ގަބޫލުކުރެވޭނެ ހެކި ކަމުގައި ބަލަންވާނެއެވެ.

  1. ކުއްޖާގެ ޑީ.އެން.އޭ ޕްރޮފައިލާއި ކުއްޖާގެ މަންމަ ކަމަށް ބުނާ ފަރާތުގެ ޑީ.އެން.އޭއާ އަޅައިކިޔައި ހަދާފައިވާ މެޓަރނިޓީ ޑީ.އެން.އޭ އެނަލިސިސް؛ ނުވަތަ
  2. ކުއްޖާގެ ޑީ.އެން.އޭ ޕްރޮފައިލާއި ކުއްޖާގެ ބައްޕަ ކަމަށް ބުނާ ފަރާތުގެ ޑީ.އެން.އޭއާ އަޅައިކިޔައި ހަދާފައިވާ ޕެޓަރނިޓީ ޑީ.އެން.އޭ އެނަލިސިސް؛ ނުވަތަ
  3. ކުއްޖާގެ މަންމަ އަދި ބައްޕަ ކަމުގައި ބުނާ ފަރާތް ދުނިޔޭގައި ނެތްނަމަ، ކުއްޖާގެ ޑީ.އެން.އޭ ޕްރޮފައިލާއި ކުއްޖާގެ އާއިލާގެ އެހެން މެންބަރެއްގެ ޑީ.އެން.އޭއާ އަޅައިކިޔައި ހަދާފައިވާ ޑީ.އެން.އޭ އެނަލިސިސް؛ އަދި
  4. ކުއްޖާގެ މަންމަގެ ބަޔާން ނުވަތަ ކުއްޖާގެ މަންމަ ނެތްނަމަ، ކުއްޖާގެ ބައްޕަގެ ބަޔާން ނުވަތަ ކުއްޖާގެ މަންމަ ނުވަތަ ބައްޕަވެސް ނެތްނަމަ ކުއްޖާގެ ބެލެނިވެރިކަމާ ހަވާލުވެހުރި ފަރާތުގެ ބަޔާން؛ އަދި 
  5. ކުއްޖާގެ އުފަންވުން ހެކިކޮށްދޭނެ އިތުރު ފަރާތެއް ހުރިނަމަ، އެފަރާތެއްގެ ބަޔާން.

(ބ) މި މާއްދާގެ (ށ) ގެ ދަށުން ކޯޓަށް ހުށަހެޅޭ މައްސަލައެއްގައި، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ހެކީގެ އިތުރުން، އެ މައްސަލަ ނިސްބަތްވާ ކުއްޖަކީ އެ ކުއްޖެއްގެ މައިންބަފައިން ނުވަތަ އޭގެ ތެރެއިން އެއް ފަރާތް ކަމަށް ބުނާ 
ދިވެހި ރައްޔިތަކަށް އުފަން ދަރިއަކުކަން ސާބިތުކޮށްދޭ އިތުރު ހެކި ކޯޓަށް ބަލައިގަތުމަކަށް މި ގާނޫނު ހުރަހެއްނާޅައެވެ.

(ޅ) މި މާއްދާގެ (ރ) ގެ ދަށުން ހުށަހަޅާ ހެކީގެ ތެރެއިން ، އެ އަކުރުގެ (1) ވަނަ ނަންބަރުން ފެށިގެން (3) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ ބާވަތުގެ ހެކި ތައްޔާރުކޮށްފައިވަނީ ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ކަމުގައިނުވާނަމަ،އެފަދަ ހެއްކެއްގެ ސައްހަކަން ކޯޓުން ކަށަވަރުކުރަންވާނެއެވެ. 

(ކ) މި މާއްދާގެ (ށ) ގެ ދަށުން ކޯޓަށް ހުށަހެޅޭ މައްސަލައެއް، ކޯޓަށް ހުށަހެޅޭތާ ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި، އެ މައްސަލައާމެދު ގޮތެއް ކަނޑައަޅައި ނިންމަންވާނެއެވެ.

(އ) މި މާއްދާގެ (ރ) އަދި/ނުވަތަ (ބ) ގެ ދަށުން ހުށަހަޅާ ހެއްކެއްގެ ސައްހަކަން މި މާއްދާގެ (ޅ) ގެ ދަށުން ކޯޓުން ކަށަވަރުކުރަންޖެހިއްޖެ ހާލަތެއްގައި ، އެކަން ކުރުމަށް ހިނގާނެ މުއްދަތާއެކު މުޅި މައްސަލަ ނިންމުމަށް ހިނގާނެ މުއްދަތު،މި މާއްދާގެ (ކ) ގައި ބަޔާންކުރާ މުއްދަތަށްވުރެ އިތުރުވާނެކަމަށް ބެލެވޭނަމަ،އެ މުއްދަތު އިތުރުކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

(ވ) މި މާއްދާގެ (ށ) ގެ ދަށުން ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ ކުދިންނަކީ،ހާއްސަ އިސްތިސްނާ ހާލަތްތަކެއްގައި ތިބި ކުދިން ކަމުގައިވާތީ، އެފަދަ މައްސަލަތަކުގައި މި މާއްދާގެ (ރ) އަދި/ނުވަތަ (ބ) ގައި ބަޔާންކުރާ ހެކި ވަޒަންކޮށް އެ މައްސަލަތަކާމެދު ގޮތެއް ކަނޑައެޅުމުގައި ކޯޓުން އިސްކަންދޭންވާނީ، އެ ކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށެވެ.

(މ) މި މާއްދާގެ (ށ) ގެ ދަށުން ކޯޓަށް ހުށަހެޅޭ މައްސަލައެއްގައި ހިމެނޭ ކުއްޖަކީ، މި މާއްދާގެ (ރ) އަދި/ނުވަތަ (ބ) ގައި ބަޔާންކުރާ ހެއްކަށް ބިނާކޮށް، ދިވެހި ރައްޔިތަކަށް އުފަންވެފައިވާ ދަރިއަކު ކަމުގައި މަދަނީ މިންގަނޑުން ސާބިތުކުރެވޭނަމަ، އެކަން އެފަދައިން ކަނޑައަޅައި ކޯޓުން މައްސަލަ ނިންމަންވާނެއެވެ.

(ފ) މި މާއްދާގެ (ށ) ގެ ދަށުން ކޯޓަށް ހުށަހެޅޭ މައްސަލައެއް ނިސްބަތްވާ ކުއްޖަކީ ދިވެހި ރައްޔިތަކަށް އުފަންވެފައިވާ ދަރިއަކު ކަމުގައި މި މާއްދާގެ (މ) ގެ ދަށުން ކޯޓުން ކަނޑައެޅުމާއެކު، 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ކުއްޖެއްގެ އުފަންވުން ރަޖިސްޓަރީކުރުމާބެހޭ ކަންކަމާއި، އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމާގުޅޭ ކަންކަން ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ހަމަޖައްސަންވާނެއެވެ.

(ދ) މި މާއްދާގެ (ފ) ގެ ދަށުން އުފަންވުން ރަޖިސްޓަރީކުރުމާބެހޭ ކަންކަމާއި،އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމާގުޅޭ ކަންކަން ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ހަމަޖެއްސުމަށްޓަކައި އެކުލަވާލަންޖެހޭ އުސޫލު ، ގާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

(ތ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، "ކަމާބެހޭ ގާނޫނު" ކަމަށް ބުނެފައި އެވަނީ،އުފަންވުން ރަޖިސްޓަރީކުރުމާ ގުޅޭގޮތުން ދިވެހިރާއްޖޭގައި އަމަލުކުރެވޭ ގާނޫނަށެވެ.

(ލ) މި މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި، "ކޯޓު" ކަމަށް ބުނެފައި އެވަނީ، ފެމިލީ ކޯޓަށެވެ.

(ގ) މި މާއްދާގެ (ނ) ގެ ބޭނުމަށްޓަކައި، "ބެލެނިވެރިޔާ" ކަމަށް ބުނެފައި އެވަނީ، ކުއްޖާގެ މައިންބަފައިންނާއި، ކުއްޖާގެ ބެލެނިވެރިކަމާ ގާނޫނީގޮތުން ހަވާލުވެފައިވާ ފަރާތަށެވެ.

(ޏ) މި މާއްދާގެ (ޅ) ގެ ބޭނުމަށްޓަކައި، "ދައުލަތުގެ ކަމާބެހޭ އިދާރާ" ކަމަށް ބުނެފައި އެވަނީ، ޑީ.އެން.އޭ އެނަލިސިސް ހެދުމަށް ހުއްދަކޮށްފައިވާ ދައުލަތުގެ އިދާރާތަކަށެވެ.

 

އިދާރީ ފިޔަވަޅެއްގެ ގޮތުން ބަންދުގައި ބެހެއްޓުން 6-60. 

(ހ) މި ގާނޫނުގެ 4-60 ވަނަ މާއްދާގައިވާ ފަރާތަކީ، ޓެރަރިޒަމްގެ އަމަލެއް ކުރި ކަމަށް ނުވަތަ ކުރުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ފަރާތެއް ކަމުގައިނުވިނަމަވެސް، އެފަދަ ފަރާތަކީ، ޓެރަރިޒަމްގެ އަމަލުތަކަށް ހުށަހެޅުމުގެ ފުރުސަތު އޮތް ފަރާތެއް ކަމުގައި ބަލައި، އެފަރާތެއް މުޖު ތަމައަށް އަނބުރާ ރުޖޫއަވުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ރީހެބިލިޓޭށަން އަދި ރީއިންޓަގްރޭށަން ޕްރޮގްރާމްތައް ފުރިހަމަކުރުމަށާއި، އެފަރާތް އަނބުރާ މުޖުތަމައަށް ރުޖޫއަވުމުގެ ކުރިން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްޓަކައި، މި މާއްދާގައިވާ ގޮތުގެމަތިން އެފަރާތް އިދާރީ ބަންދެއްގައި ބެހެއްޓުމަށް މިނިސްޓަރަށް ކަނޑައެޅިދާނެއެވެ.

(ށ) ދިވެހިރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށްފަހު ނުވަތަ ދިވެހިރާއްޖެއިން ބޭރުގެ ހަނގުރާމަވެރި ސަރަހައްދަކަށް ދިޔުމަށްފަހު އަނބުރާ ދިވެހިރާއްޖެއަށް އަންނަ ހަނގުރާމަވެރިންނާއެކު ނުވަތަ އެނޫންގޮތަކަށް އެފަދަ ސަރަހައްދަކުން އަންނަ އުމުރުން 15 (ފަނަރަ) އަހަރުން ދަށުގެ ކުޑަކުދިންވެސް މި މާއްދާގެ (ހ) ގެ ދަށުން އިދާރީ ބަންދެއްގައި ބެހެއްޓުމަށް ކަނޑައެޅިދާނެއެވެ.

(ނ) މި މާއްދާގެ (ހ) ނުވަތަ (ށ) ގެ ދަށުން އެއްވެސް ފަރާތެއް ބަންދުކުރަންވާނީ، މި ގާނޫނުގެ 7-60 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ ބަންދުގެ މަރުކަޒެއްގައެވެ.

 

އިދާރީ ބަންދުގެ މަރުކަޒު 7-60.

(ހ) މި ގާނޫނުގެ 6-60 ވަނަ މާއްދާގައި ބަޔާންކުރާ މީހުން ބަންދުގައި ބޭތިއްބުމަށްޓަކައި، އަންނަނިވި ކަންކަން ފުރިހަމަވާ ބަންދުކުރުމުގެ މަރުކަޒުތައް މިނިސްޓަރު ގާއިމުކުރަންވާނެއެވެ.

  1. ފިރިހެނުންނަށް ހާއްސަ ބަންދުގެ މަރުކަޒު؛
  2. އަންހެނުންނަށް ހާއްސަ ބަންދުގެ މަރުކަޒު؛ 
  3. ކުޑަކުދިންނަށް ހާއްސަ ބަންދުގެ މަރުކަޒު

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މަރުކަޒުތައް ވާންވާނީ، އަނބުރާ އަންނަ ހަނގުރާމަވެރިންގެ ތެރެއިން ކުށުގެ ތުހުމަތުގައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތައް ބަންދުގައި ބޭތިއްބުމަށް ހާއްސަކުރެވޭ މަރުކަޒުތަކެއް ކަމުގައެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މަރުކަޒުތަކުގައި ކުށުގެ ތުހުމަތުކުރެވޭ ފަރާތްތައް ބަންދުގައި ބައިތިއްބައިގެން ނުވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މަރުކަޒުތައް، އެއް އިމާރާތެއްގައި ހުރުމަކަށް މި ގާނޫނު ހުރަހެއްނާޅައެވެ. އެހެންނަމަވެސް، އެފަދަ މަރުކަޒުތައް ހުންނަންވާނީ، އެއިން ކޮންމެ މަރުކަޒެއްގައި ތިބޭ މީހުން، އެއްބަޔަކު އަނެއް ބަޔަކާ ދިމާވެ، މުއާމަލާތު ނުކުރެވޭނެ ގޮތަކަށެވެ.

(ބ) މި މާއްދާގެ (ރ) އެހެން އޮތްނަމަވެސް، ކުއްޖާގެ މަސްލަހަތަށް ރިއާޔަތްކޮށް، އުމުރުން 15 (ފަނަރަ) އަހަރުން ދަށުގެ ކުޑަކުދިން އެކުދިންގެ ބެލެނިވެރިއަކާ އެކުގައި އެފަދަ މަރުކަޒެއްގައި ބޭތިއްބުމަށް ކަނޑައެޅިދާނެއެވެ.

(ޅ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މަރުކަޒުތަކުން ލިބިދެވޭނެ ހިދުމަތްތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

އިދާރީ ބަންދުގައި ތިބޭ ފަރާތްތަކުގެ ހައްގުތައް 8-60.

(ހ) މި ގާނޫނުގެ 6-60 ވަނަ މާއްދާގެ ދަށުން އިދާރީ ބަންދުގައި ތިބޭ ފަރާތްތަކަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި ލިބިގަތުމުގެ ހައްގާއި އާއިލާއާ ބައްދަލުކުރުމުގެ ހައްގު، މި ބާބުގައިވާ ގޮތުގެމަތިން ލިބިގެންވެއެވެ.

(ށ) މި ގާނޫނުގެ ދަށުން ހަދާ ރިސްކް އެސެސްމަންޓަކަށްފަހު އެނޫން ގޮތަކަށް ކަނޑައެޅެންދެން، މި ގާނޫނުގެ 6-60 ވަނަ މާއްދާގެ ދަށުން އިދާރީ ބަންދުގައި ތިބޭ ފަރާތްތަކަށް އެމީހުންގެ އާއިލާއާއި ގާނޫނީ ވަކީލާ ބައްދަލުކުރުމުގެ ފުރުސަތު ލިބިދެވޭނީ، މަރުކަޒުގެ މުވައްޒަފުންގެ ހާޒިރުގައެވެ.

 

ކުޑަކުދިންނާގުޅޭ ހާއްސަ އުސޫލު 9-60.

(ހ) އަނބުރާ އަންނަ ހަނގުރާމަވެރިންގެ ތެރޭގައި ހިމެނޭ އުމުރުން 15 (ފަނަރަ) އަހަރުން ދަށުގެ ކުޑަކުދިންގެ މަސްލަހަތު ރައްކާތެރިކުރުމަށްޓަކައި، އެކުދިން އެކުދިންގެ މައިންބަފައިންނާ ވަކިކޮށް، ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމުގެ އިހްތިޔާރު، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުއްޖާ ދައުލަތަށް ނެގުމުގައި އެންމެ އިސްކަމެއް ދޭންވާނީ އެ ކުއްޖާގެ މަސްލަހަތު ހިމާޔަތްކުރުމަށެވެ. އަދި ކުއްޖާގެ މައިންބަފައިންނާ ވަކިކޮށް، ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖާ ނަގަންވާނީ، އެއީ، ކުއްޖާގެ މަސްލަހަތަށް އެންމެ ފައިދާހުރި ގޮތް ކަމުގައިވާނަމައެވެ.

(ނ) އުމުރުން 15 (ފަނަރަ) އަހަރުން ދަށުގެ ކުޑަކުއްޖަކު އެ ކުއްޖެއްގެ މައިންބަފައިންނާ ވަކިކުރުން އެއީ ކުއްޖާއަށް އެންމެ ފައިދާހުރި ގޮތް ކަމުގައިވާ ހާލަތުގައި، އެ ކުއްޖަކު، ދައުލަތުގެ ބެލުމުގެ ދަށަށް ވަގުތީގޮތުން ގެނައުމާއެކު، އެ ކުއްޖާގެ އާއިލާގެ އެހެން މެންބަރެ އްގެ ބެލުމުގެ ދަށުގައި ނުވަތަ ދައުލަތުން ކަނޑައަޅާ އެހެން ފަރާތެއްގެ ބެލުމުގެ ދަށުގައި އެ ކުއްޖާ ބެހެއްޓުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ކުޑަކުއްޖަކު އެ ކުއްޖާގެ އާއިލާގެ މެންބަރަކާ ހަވާލުކުރެވޭނީ، އެ ކުއްޖަކާގުޅޭ ރިސްކް އެސެސްމަންޓަކަށްފަހު، ކުއްޖާ މޮނިޓަރ ކުރެވޭނެ ނިޒާމެއްގެ ދަށުން، އެ ކުއްޖާއަށް ދޭންޖެހޭ ރީހެބިލިޓޭށަން ނުވަތަ އެނޫންވެސް ފަރުވާ ދެމުންގެންދިޔުމަށް ށަރުތުކުރުމާ އެކުގައެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން ކުޑަކުއްޖަކު އެ ކުއްޖާގެ އާއިލާގެ މެންބަރަކާ ހަވާލުކުރުމުގެ ކުރިން އެފަރާތެއްގެ އެސެސްމަންޓެއް ހަދާފައި އޮންނަންވާނެއެވެ.

 

ރިސްކް އެސެސްމަންޓް ހެދުން 10-60

(ހ) މި ގާނޫނުގެ 6-60 ވަނަ މާއްދާގެ ދަށުން ބަންދުކުރެވޭ ފަރާތްތައް ޓެރަރިޒަމްގެ އަމަލުތަކަށް ހުށަހެޅިފައިވާ މިންވަރަކީ ކޮބައިތޯ ބެލުމަށާއި، އެއިން ފަރާތެއްގެ ކިބައިން މުޖުތަމައަށް ކުރިމަތިވެދާނެ ނުރައްކަލަކީ ކޮބައިތޯ ދެނެގަތުމަށްޓަކައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެމީހުންގެ ރިސްކް އެސެސްމަންޓެއް ހަދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ދަށުން ހަދާ އެސެސްމަންޓް ހަދާނީ، ފުލުހުންނެވެ. 

(ނ) މި ގާނޫނުގެ 6-60 ވަނަ މާއްދާގެ ދަށުން ބަންދުކުރެވޭ ފަރާތަކާ ގުޅޭގޮތުން ހަދާ ފުރަތަމަ ރިސްކް އެސެސްމަންޓް، މި ގާނޫނުގެ 7-60 ވަނަ މާއްދާގައި ބަޔާންކުރާ މަރުކަޒެއްގައި އެފަރާތް ބަންދުކުރެވޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި 
ހަދަންވާނެއެވެ. 

(ރ) މި މާއްދާގެ ދަށުން ރިސްކް އެސެސްމަންޓް ހަދަންޖެހޭ މަރުހަލާތަކާއި، އެކި މަރުހަލާތަކުގައި ހަދާ ރިސްކް އެސެސްމަންޓްތަކަށްފަހު އަމަލުކުރަންޖެހޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

އިދާރީ ބަންދާމެދު ގޮތެއް ކަނޑައެޅުން  11-60

(ހ) މި ގާނޫނުގެ 6-60 ވަނަ މާއްދާގެ ދަށުން ބަންދުކުރެވޭ މީހަކު ބަންދުކޮށްފައިވަނީ، ކޯޓު އަމުރެއްގެ ދަށުން ކަމަށްވާނަމަ، އެފަދައިން ބަންދުކުރެވޭ މީހަކު، ކޯޓު އަމުރުގައި ބަޔާންކުރާ މުއްދަތަކަށް މި ގާނޫނުގެ 7-60 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ މަރުކަޒެއްގައި ބަންދުގައި ބެހެއްޓިދާނެއެވެ.
(ށ) މި ގާނޫނުގެ 6-60 ވަނަ މާއްދާގެ ދަށުން ބަންދުކުރެވޭ މީހަކު ބަންދުކޮށްފައިވަނީ، ކޯޓު އަމުރެއްގެ ދަށުން ކަމުގައިނުވާނަމަ، އެފަދައިން ބަންދުކުރެވޭ މީހެއްގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި، އޭނާ ބަންދުކުރާތާ 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް، އެމީހެއްގެ ބަންދާމެދު ގޮތެއް ނިންމަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރެވޭ ފަރާތަކީ،ހަނގުރާމަވެރި ސަރަހައްދަކަށް ގޮސްފައިވާ ނުވަތަ އެއިން ސަރަހައްދެއްގައި ހުރެފައި އަނބުރާ ދިވެހިރާއްޖެ އައިސްފައިވާ ފަރާތެއް ކަމުގައިވާތީ، އެމީހަކީ މި ގާނޫނުގެ ދަށުން ކަނޑައެޅޭ ރީހެބިލިޓޭށަން ޕްރޮގްރާމެއް ފުރިހަމަކުރުމަކާ ނުލައި ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ މީހެއް ކަމުގައި ބަލައި، ގިނަވެގެން 30 (ތިރީސް) ދުވަހުގެ މުއްދަތަށް އެމީހަކު ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރު އަމުރުކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ނުވަތަ (ނ) ގެ ދަށުން ބަންދުކޮށްފައިވާ ފަރާތެއް ބަންދުކޮށްފައިވާ މުއްދަތުގެ އިތުރަށްވެސް އެފަރާތުގެ މައްޗަށް ހިންގަންޖެހޭ ރީހެބިލިޓޭށަން ޕްރޮގްރާމް ހިންގުމަށްޓަކައި އެފަރާތް ބަންދުގައި ބެހެއްޓުމަކީ މުހިންމު ކަމެއް ކަމުގައިވާނަމަ، އެފަރާތެއްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށްޓަކައި ކޯޓު އަމުރެއް ހޯދަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މުއްދަތު އިތުރުކޮށްދިނުމަށް އެދި ހުށަހަޅަންވާނީ، ޖިނާއީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިދީފައިވާ ސުޕީރިއަރ ކޯޓަކަށެވެ.

 

މުޖުތަމައަށް އަނބުރާ ދޫކުރުން 12-60

(ހ) މި ގާނޫނުގެ 6-60 ވަނަ މާއްދާގެ ދަށުން ބަންދުކުރެވޭ ފަރާތްތަކުން ފުރިހަމަކުރުމަށް ކަނޑައެޅޭ ރީހެބިލިޓޭށަން ޕްރޮގްރާމްތައް ފުރިހަމަކޮށް، މުޖުތަމައަށް ރުޖޫއަވުމަށް ތައްޔާރުވެފައިވާކަން ކަނޑައެޅުމަށްޓަކައި ހަދާ ރިސްކް އެސެސްމަންޓެއް ހެދުމަށްފަހުގައި މެނުވީ، އެއިން އެއްވެސް ފަރާތެއް، އަނބުރާ މުޖުތަމައަށް ދޫކޮށްގެންނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އެސެސްމަންޓް ހަދާނީ، ފުލުހުންނެވެ. 

(ނ) ރީހެބިލިޓޭށަން ޕްރޮގްރާމެއްގައި ބައިވެރިވާ ފަރާތެއް މުޖުތަމައަށް އަނބުރާ ދޫކުރުމުގެ ކުރިން ހަދަންޖެހޭ އެސެސްމަންޓް ހެދުމުގައި ރިއާޔަތްކުރަންޖެހޭ ކަންކަމާއި، ކަމާގުޅޭގޮތުން އަމަލުކުރަންޖެހޭ އިޖުރާއަތުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

އިދާރީ ބަންދުގައިވާ ފަރާތަކީ ކުށުގެ ތުހުމަތުކުރެވޭ ފަރާތަކަށްވުން 13-60.

މި ގާނޫނުގެ 6-60 ވަނަ މާއްދާގެ ދަށުން އިދާރީ ބަންދެއްގައިވާ ފަރާތަކީ ކުށުގެ ތުހުމަތުކުރެވޭ ފަރާތެއް ކަމަށް މި ގާނޫނުގެ 10-60 ވަނަ މާއްދާގެ ދަށުން ހަދާ ރިސްކް އެސެސްމަންޓަކުން ނުވަތަ އެނޫން ގޮތަކުން ފުލުހުންގެ ތަހްގީގަށް ލިބޭ މައުލޫމާތަކުން ދެނެގަނެވިއްޖެ ހާލަތެއްގައި، އެމީހަކީ ކުށުގެ ތުހުމަތުކުރެވޭ ފަރާތެއް ކަމުގައި ކަނޑައަޅައި، މި ގާނޫނުގެ 4-60 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގެ ދަށުން އެމީހަކާމެދު އަމަލުކުރެވިދާނެއެވެ.

 

ކުށް ސާބިތުނުވުން 14-60.

(ހ) މި ގާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއް ކުރިކަމުގެ ތުހުމަތުކުރެވޭ ފަރާތެއްގެ މައްޗަށް ތުހުމަތުކުރެވޭ ކުށް ސާބިތުނުވި ނަމަވެސް، އެފަރާތަކީ ހަނގުރާމަވެރި ސަރަހައްދަކުން އައިސްފައިވާ ފަރާތެއް ކަމުގައިވާތީ، އެއީ ޓެރަރިޒަމްގެ އަމަލުތަކަށް ހުށަހެޅުމުގެ ފުރުސަތު އޮތް ފަރާތެއް ކަމުގައި ބަލައި، އެމީހަކު، މި ގާނޫނުގައި ބަޔާންކުރާ ރީހެބިލިޓޭށަން ޕްރޮގްރާމް ފުރިހަމަކުރުން ލާޒިމުވާ ކަމުގައި ފަނޑިޔާރު ކަނޑައަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ރީހެބިލިޓޭށަން ފުރިހަމަކުރަންޖެހޭ ކަމަށް ފަނޑިޔާރު ކަނޑައަޅާ ފަރާތްތަކާމެދު އަމަލުކުރަންވާނީ، މި ގާނޫނުގެ 6-60 ވަނަ މާއްދާގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ނުވަވަނަ ބާބު އަންނަނިވި ގޮތަށް އިސްލާހުކުރުން.

 

ނުވަވަނަ ބާބު

ރީހެބިލިޓޭށަން އަދި ރީ-އިންޓަގްރޭށަން

 

ރީހެބިލިޓޭށަން އެންޑް ރީ -އިންޓަގްރޭށަން ކޮމިޓީ 15-60

(ހ) ޓެރަރިޒަމްގެ އަމަލުތަކަށް ހުށަހެޅިފައިވާ ފަރާތްތަކަށާއި އެފަދަ އަމަލުތަކަށް ހުށަހެޅުމުގެ ފުރުސަތު އޮތް ފަރާތްތަކަށް މި ގާނޫނުގައިވާ ގޮތުގެމަތިން ހިންގަންޖެހޭ ރީހެބިލިޓޭށަން އަދި ރީ-އިންޓަގްރޭށަން ޕްރޮގްރާމްތައް ދެނެގަތުމަށާއި، އެފަދަ ރީހެބިލިޓޭށަންގެ ޕްރޮގްރާމްތައް ފުރިހަމަކުރާއިރު މި ގާނޫނުގެ ދަށުން ހުއްދަކުރާ ބަންދެއްގައިވާ ފަރާތްތައް އަނބުރާ މުޖުތަމައަށް ރުޖޫއަވުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމަށްޓަކައި، މި މާއްދާގެ (ށ) ގައި ބަޔާންކުރާ ފަރާތްތަކުގެ މައްޗަށް އެކުލެވޭ ރީހެބިލިޓޭށަން އެންޑް ރީ-އިންޓަގްރޭށަން ކޮމިޓީއެއް މިނިސްޓަރު އެކުލަވާލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކޮމިޓީގައި އެކުލެވިގެންވާނީ އަންނަނިވި ފަރާތްތަކެވެ.

  1. މިނިސްޓްރީން ކަނޑައަޅާ އެ މިނިސްޓްރީގެ މުވައްޒަފެއް؛
  2. ދިވެހި ފުލުހުންގެ ހިދުމަތުގެ ކުޑަކުދިންނާއި އާއިލީ މައްސަލަތައް ބަލާ ޑިވިޒަންގައި މަސައްކަތްކުރާ ފަރާތެއް ހިމެނޭގޮތުން، ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅާ އެ ސަރވިސްގެ 2 (ދޭއް) އޮފިސަރުން؛
  3. ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ މުވައްޒަފުންގެ ތެރެއިން މިނިސްޓަރު ކަނޑައަޅާ ފަރާތެއް؛
  4. މި ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ކައުންޓަރ ޓެރަރިޒަމްގެ މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އިދާރާއިން ކަނޑައަޅާ ފަރާތެއް؛
  5. މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯށަލް ސަރވިސަސްއިން ކަނޑައަޅާ އެ މިނިސްޓްރީގެ މުވައްޒަފެއް.

(ނ) މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރު އެކުލަވާލާ ކޮމިޓީން، އަންނަނިވި ކަންކަން ކަނޑައަޅައި، މިނިސްޓަރަށް ހުށަހަޅަންވާނެއެވެ.

  1. މި ގާނޫނުގެ 6-60 ވަނަ މާއްދާގެ ދަށުން އިދާރީ ބަންދުގައި ބެހެއްޓުމަށް ކަނޑައެޅޭ ފަރާތްތަކަށް އެކި މަރުހަލާތަކުގައި ދޭންޖެހޭ ރީހެބިލިޓޭށަން ޕްރޮގްރާމްތަކުގެ ބާވަތާއި ގިންތި ކަނޑައެޅުން؛
  2. މި ގާނޫނުގެ 6-60 ވަނަ މާއްދާގެ ދަށުން އިދާރީ ބަންދުގައި ބެހެއްޓުމަށް ކަނޑައެޅޭ ކުޑަކުދިންނަށް އެކި މަރުހަލާތަކުގައި ދޭންޖެހޭ ރީހެބިލިޓޭށަން ޕްރޮގްރާމްތަކުގެ ބާވަތާއި ގިންތި ކަނޑައެޅުން؛
  3. މި ގާނޫނުގައި ބަޔާންކުރާ ކުށެއް ކުރި ކަމުގެ ތުހުމަތުގައި ބަންދުކުރެވޭ ފަރާތްތަކަށް އެކި މަރުހަލާތަކުގައި ދޭންޖެހޭ ރީހެބިލިޓޭށަން ޕްރޮގްރާމްތަކުގެ ބާވަތާއި ގިންތި ކަނޑައެޅުން؛
  4. މި ގާނޫނުގެ ހަވަނަ ބާބުގެ ދަށުން މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރެއް ނެރެފައިވާ ފަރާތްތަކަށް އެކި މަރުހަލާތަކުގައި ދޭންޖެހޭ ރީހެބިލިޓޭށަން ޕްރޮގްރާމްތަކުގެ ބާވަތާއި ގިންތި ކަނޑައެޅުން؛
  5. މި ގާނޫނުގައި ބަޔާންކުރާ ކުށެއް ކުރި ކަމަށް ސާބިތުވެ، ހުކުމް ތަންފީޒުކުރަމުންދާ ފަރާތްތަކަށް އެކި މަރުހަލާތަކުގައި ދޭންޖެހޭ ރީހެބިލިޓޭށަން ޕްރޮގްރާމްތަކުގެ ބާވަތާއި ގިންތި ކަނޑައެޅުން.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކޮމިޓީން މި މާއްދާގެ (ނ) ގެ ދަށުން ކަނޑައަޅަންޖެހޭ ކަންކަން ކަނޑައެޅުމުގައި ބަލަންވާނީ، މީހުންގެ އުމުރާއި، ޖިންސާއި، ސިއްހީ އަދި ނަފްސާނީ ހާލަތްތައްފަދަ އެކި މީހުންގެ ނާޒުކު ހާލަތްތަކަށާއި، އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގެ ބައިނަލްއަގްވާމީ ގާނޫނުތަކާއި މިންގަނޑުތަކަށް ރިއާޔަތްކޮށް، އެކި ހާލަތްތަކުގައި ތިބޭ މީހުންނަށް، އެކި މަރުހަލާތަކުގައި ދެވޭނެ ރީހެބިލިޓޭށަންގެ ފަރުވާގެ ބާވަތްތަކާއި ގިންތި، އަދި އެއިން ކޮންމެ ގިންތިއެއްގެ ދަށުން ދެވޭނެ ފަރުވާގެ ޕްރޮގްރާމްތައް ކަނޑައެޅުމަށެވެ.

(ބ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކޮމިޓީން މި މާއްދާގެ (ނ) ގެ ދަށުން ކަނޑައަޅާ ރީހެބިލިޓޭށަން އަދި ރީ-އިންޓަގްރޭށަންގެ ޕްރޮގްރާމްތައް ވާންވާނީ، އެ އަކުރުގައި ބަޔާންކުރާ ފަރާތްތައް ބަންދުކުރެވޭ ހިނދުން ފެށިގެން އަދި/ނުވަތަ ހުކުމް ތަންފީޒުކޮށް ނިމި މުޖުތަމައަށް އަނބުރާ ރުޖޫއަވުމާ ހަމައަށް، ނުވަތަ އެފަރާތްތަކުގެ މައްޗަށް މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރެއް ނެރެވޭ ހިނދުން ފެށިގެން އެ އަމުރު ތަންފީޒުކޮށް ނިމި އެފަރާތްތައް މުޖުތަމައަށް އަނބުރާ ރުޖޫއަވުމާ ހަމައަށް މެދުކެނޑުމެއްނެތި ދެވޭ ރީހެބިލިޓޭށަން ޕްރޮގްރާމްތަކެއް ކަމުގައެވެ.

 

ރީހެބިލިޓޭށަން އަދި ރީ -އިންޓަގްރޭށަން ޕްރޮގްރާމްތައް ހިންގުން 16-60

މި ގާނޫނުގެ 15-60 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ކޮމިޓީން އެ މާއްދާގެ (ނ) ގެ ދަށުން ކަނޑައަޅާ ރީހެބިލިޓޭށަން އަދި ރީ-އިންޓަގްރޭށަންގެ ޕްރޮގްރާމްތައް ކަނޑައެޅުމުން، އެ ޕްރޮގްރާމްތައް، ވަކިވަކި މީހުންގެ މައްޗަށް ހިންގާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، މިނިސްޓްރީންނެވެ.

 

ރީ -އިންޓަގްރޭށަން ޕްރޮގްރާމްތަކާގުޅޭ ގަވާއިދު 17-60.

މި ބާބުގައި ބަޔާންކުރާ ރީހެބިލިޓޭށަން އަދި ރީ-އިންޓަގްރޭށަންގެ ޕްރޮގްރާމްތައް ހިންގާނެ ގޮތުގެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 64 ވަނަ މާއްދާގެ (ވ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

64 (.ވ) "ގޮވާތަކެތި" ކަމަށް ބުނެފައި އެވަނީ، އާންމު ބޭނުންތަކަށް ބޭނުންކުރުމަށް މަނާކުރެވިފައިވާ ނުވަތަ ބޭނުންކުރުމަށްޓަކައި ސަރުކާރުގެ ހުއްދަ ހޯދަންޖެހޭ އެއްޗެހީގެ ތެރެއިން، ނުވަތަ އާންމު ބޭނުންތަކަށް ބޭނުންކުރެވޭ ތަކެއްޗާއި އެއްވެސް ކެމިކަލެއް ނުވަތަ މައުދަނެއް ނުވަތަ ގޭހެއް އެއްކޮށްގެން އުފައްދާ އެއްޗެހީގެ ތެރެއިން، ވަކި ވަގުތެއް ޖެހުމުން ގޮވާ ގޮތަށް ހަދާފައި ހުންނަ ތަކެއްޗާއި، ގޮވާނެ ވަކި ގޮތެއް ރޭވިފައި ހުންނަ ތަކެއްޗާއި، ވިހައާއި، ވިހަ ގޭހާއި، މީހުން މަރުވެދާފަދަ ބަޔަލޮޖިކަލް ނުވަތަ ކެމިކަލް މާއްދާތަކާއި، ރޭޑިއޯއެކްޓިވް މާއްދާތައް ހިމެނޭގޮތުން، އޭގެ ޒާތުގައި ގޮވާ ކޮންމެ ވަސީލަތަކަށެވެ.

 

15 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، ބުނެވިދިޔަ ގާނޫނުގެ 15-60 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވާލަންޖެހޭ ފުރަތަމަ ކޮމިޓީ، މިނިސްޓަރު އެކުލަވާލަންވާނެއެވެ.

 

16 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، މި ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

17 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2015-32)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2015-32)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު