-

މާލިއްޔަތުގެ ގާނޫނު (ގާނޫނު ނަންބަރު 2006-03) އަށް 6 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު 

(ގާނޫނު ނަންބަރު 2021-27)

މާލިއްޔަތުގެ ގާނޫނު (ގާނޫނު ނަންބަރު 2006-03) އަށް އަންނަނިވި އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 3 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ހުއްދައޮތް ލޯނަކަށް މެނުވީ ދައުލަތުގެ ފައިސާ ދޫނުކުރުން 3.

މި ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާ ހުއްދަކޮށްފައިވާ ލޯނަކަށް މެނުވީ، ނުވަތަ ރައީސުލްޖުމްހޫރިއްޔާ ލޯނު ދޫކުރުމަށް ހުއްދަކޮށްފައިވާ ވަކި ގިންތިއެއްގެ ތެރެއިން މިނިސްޓަރު ހުއްދަކޮށްފައިވާ ލޯނަކަށް މެނުވީ، ނުވަތަ ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 82 ވަނަ މާއްދާގެ ދަށުން ކައުންސިލުން ދޫކުރާ ލޯނަކަށް މެނުވީ، ދައުލަތުގެ ފައިސާ އެއްވެސް ފަރާތަކަށް ލޯނުގެ ގޮތުގައި ދޫކޮށްގެން ނުވާނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 4 ވަނަ މާއްދާގެ (ޅ) ގެ ފަހަތަށް އަންނަނިވި ފަދައިން ހަތަރު އަކުރު އިތުރުކުރުން.

(ކ) ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އު ސޫލުން 4ހިންގުމުގެ ގާނޫނު( ގެ 82 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތުގައި، ވަކި ކައުންސިލަކަށް އެ އަހަރަކަށް ލިބޭ އާމްދަނީއިން ހަރަދުތައް ކަނޑައި ބާކީ ހުންނަ ފައިސާ، އެއްބަސްވާ ގޮތެއްގެމަތިން އެހެން ކައުންސިލަކަށް ލޯނުގެ ގޮތުގައި ދޫކުރެވިދާނެއެވެ.

(އ) މި މާއްދާގެ (ކ) ގެ ދަށުން އެއް ކައުންސިލުން އަނެއް ކައުންސިލަށް ލޯނުގެ ގޮތުގައި ދޫކުރާ ފައިސާ، އެއްބަސްވެފައިވާ ގޮތުގެމަތިން އަނބުރާ ނުދައްކާނަމަ، އެފަރާތަކަށް ސަރުކާރުން ދޭ ފައިސާއިން އުނިކޮށް، އެ ފައިސާ އަނެއް ކައުންސިލަށް ދޫކުރުމުގެ ބާރު ސަރުކާރަށް ލިބިގެންވެއެވެ.

(ވ) މި މާއްދާގެ (ކ) ގެ ދަށުން ކައުންސިލަކުން ދޭ ލޯނާ ގުޅޭ އެންމެހައި މަޢުލޫމާތާއި، ލޯނު އަނބުރާ ދައްކަމުންދާގޮތުގެ ތަފްސީލުތައް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ލޯނު ދޫކުރި ކައުންސިލުން މިނިސްޓްރީއާ ގަވާއިދުން ހިއްސާކުރަމުން ގެންދަންވާނެއެވެ.

(މ) މި މާއްދާގެ (ކ) ގެ ދަށުން ކައުންސިލުތަކުން ދޭ ލޯނާގުޅޭ އެންމެހައި މަޢުލޫމާތު މި މާއްދާގެ (ވ) ގައިވާ ގޮތުގެމަތިން މިނިސްޓްރީއާ ހިއްސާކުރުމާގުޅޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

3 .ބުނެވިދިޔަ ގާނޫނުގެ 5 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން ތިން މާއްދާ އިތުރުކުރުން.

ކައުންސިލުތަކުން ދަރަންޏަށް ފައިސާ ނެގުން 1-5.

(ހ) ކައުންސިލުތަކުން ދަރަންޏަށް ފައިސާ ނަގަންވާނީ އެ ކައުންސިލު ނިސްބަތްވާ ރަށެއް ނުވަތަ ސިޓީއެއްގެ ތަރައްގީގެ ޕްލޭންގައި ހިމެނިފައިވާ މަށްރޫޢެއް ހިންގުމަށްޓަކައި އެ ދަރަންޏެއް ނެގުމަށް އެ ކައުންސިލެއްގެ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވާ ގަރާރެއް މިނިސްޓަރަށް ހުށަހަޅައި، އެކަމަށް މިނިސްޓަރު ހުއްދަ ދިނުމުންނެވެ. 

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކައުންސިލުން ދަރަންޏަށް ފައިސާ ނެގުމަށް ފާސްކުރާ ގަރާރުގައި އަންނަނިވި މަޢުލޫމާތުތައް ހިމަނަންވާނެއެވެ.

  1. ދަރަނި ނެގުމުގެ ސަބަބުން ރަށް، ސިޓީ ނުވަތަ އިދާރީ ދާއިރާގެ ތަރައްގީއަށާއި އިގްތިސާދަށް ކުރާނެ ފައިދާއަކީ ކޮބައިކަން؛
  2. ދަރަނި ނެގުމުގެ ސަބަބުން ކައުންސިލުގެ މާލިއްޔަތަށް ކުރާނެ އަސަރު ދިރާސާކުރުމަށްފަހު، ކަނޑައަޅާ މުއްދަތާއި، މިންވަރާއި، ދަރަނީގެ އިންޓްރެސްޓާއި، ދަރަނި ނެގުމަށް ނުވަތަ ދަރަނި ހޯދުމަށް ކުރަންޖެހޭ އެންމެހައި ހަރަދުތަކުގެ ތަފްސީލާއި، ދަރަނި ނެގުމަށް އެދޭ ފަރާތުގެ ކޭށް ފްލޯ ޕްލޭނާއި ދަރަނީގެ މިންގަނޑު އަންގައިދޭ ބަޔާން؛
  3. ދަރަނި ނެގުމަށް ނިންމި ސަބަބާއި، ދަރަނި ބޭނުންކޮށްގެން ހިންގުމަށް ނިންމާފައިވާ މަށްރޫޢުގެ ތަފްސީލުތަކާއި، އެ މަށްރޫޢެއްގެ ސަބަބުން ކުރާނެ ފައިދާއާއި، މަށްރޫޢުގެ ފީސިބިލިޓީއާއި ދަރަނި އަދާކުރާނެ ގޮތުގެ ތަފްސީލު؛
  4. ދަރަންޏަށް ތިންވަނަ ފަރާތަކުން ގެރެންޓީއެއްދޭނަމަ އެފަރާތުންދޭ ގެރެންޓީގެ ތަފްސީލު؛
  5. ވަކި ބޭންކެއް ނުވަތަ މާލީ އިދާރާއެއް ނުވަތަ ފައިނޭންށަލް އިންސްޓިޓިއުށަނަކުން ދަރަނި ނެގުމަށް ނިންމި ސަބަބު؛
  6. ލޯނު ދޫކުރާ ފަރާތުގެ މާލީ ގާބިލުކަން ދެނެގަތުމަށް ކަމާ ގުޅުންހުރި އިދާރާއަކުން ހަދާފައިވާ އެސެސްމަންޓް (ކްރެޑިޓަރ ޑިއު ޑިލިޖެންސް)؛
  7. ދަރަނި ނެގުމަށް އެއްވެސް ސެކިއުރިޓީއެއް ދޭނަމަ އެކަމުގެ ތަފްސީލު؛
  8. ލޯނު އެއްބަސްވުމުގެ ދެލިކޮޕީއާއި، އެއްބަސްވުމާގުޅޭ އެންމެހައި ލިޔެކިޔުންތައް.

(ނ) ކައުންސިލުން ލޯނު ނެގުމަށް އެދި ހުށަހެޅުމުން ލޯނު ނެގުމަށް ހުއްދަ ދިނުމުގައި އަންނަނިވި ކަންކަމަށް މިނިސްޓްރީން ރިޢާޔަތްކުރަންވާނެއެވެ.

  1. މަށްރޫޢުގެ ފީސިބިލިޓީ؛ 
  2. މަށްރޫޢުގެ ސަބަބުން ކައުންސިލު ނިސްބަތްވާ ރަށް، ސިޓީ ނުވަތަ އިދާރީ ދާއިރާގެ އިތުރުން ގައުމަށް ކުރާނެ ފައިދާ؛
  3. ކައުންސިލުގެ ދަރަނި އަދާކުރުމުގެ ގާބިލުކަން ހުރި މިންވަރު؛ 
  4. މުޅި ދައުލަތުގެ ދަރަނީގެ މިންވަރު؛ އަދި 
  5. ގާނޫނު ނަންބަރު 2013-07 (ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނު) ގެ ދަށުން ކައުންސިލުތަކަށް ދަރަނި ނެގޭނެކަމަށް ކަނޑައަޅާފައިވާ މިންގަނޑު.

(ރ) މި މާއްދާގައިވާ ގޮތުގެމަތިން ކައުންސިލުން ދަރަންޏެއް ނެގުމަށްފަހު، އެ ދަރަންޏާގުޅޭ އެންމެހައި މަޢުލޫމާތުތަކާއި ލިޔެކިޔުންތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި މިނިސްޓަރަށާއި އޮތޯރިޓީއަށް ފޮނުވަންވާނެއެވެ.

(ބ) މި މާއްދާގައިވާ ގޮތުގެމަތިން ކައުންސިލުތަކުން ދަރަންޏަށް ފައިސާ ނެގުމުގައި ގާނޫނު ނަންބަރު 2013-07 (ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާއި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ދަރަނި ނެގުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ އުސޫލުތަކަށް ތަބާވާންވާނެއެވެ.

(ޅ) މި މާއްދާގައިވާ ގޮތުގެމަތިން ކައުންސިލަކުން ނަގާ ދަރަންޏަށް ޒިންމާވާންޖެހޭނީ އެ ކައުންސިލަކުންނެވެ. އަދި ދަރަންޏަށް ނެގި ޕްރިންސިޕަލް ޢަދަދާއި، އެއަށް ދޭންޖެހޭ އިންޓްރެސްޓާއި، އެ ފައިސާ ދަރަންޏަށް ނެގުމުގައި ހިނގާ އެހެން ހަރަދުތައް، ކައުންސިލުގެ ބަޖެޓުގައި ކަނޑައެޅި ފާސްވެފައިވާ ގޮތުގެމަތިން ދޭންވާނީ، އެ ކައުންސިލެއްގެ ބަޖެޓުންނެވެ.

 

ކައުންސިލުން ނަގާ ދަރަންޏަށް ގެރެންޓީ ދިނުމާއި، ކައުންސިލުން ގެރެންޓީ ދިނުން 2-5.

(ހ) މި ގާނޫނުގެ 1-5 ވަނަ މާއްދާގެ ދަށުން ކައުންސިލުން ނަގާ ދަރަންޏަކަށް އެ ދަރަންޏެއް ނަގާ ބޭންކަކުން ނުވަތަ އިދާރާއަކުން ގެރެންޓީއެއް ދިނުމަށް ށަރުޠުކުރާނަމަ، އެ ކައުންސިލެއްގެ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވާ ގަރާރެއް މިނިސްޓަރަށް ހުށަހަޅައި، އެކަމަށް މިނިސްޓަރު ހުއްދަ ދިނުމަށްފަހު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެ ގެރެންޓީއެއް ދެވިދާނެއެވެ.

(ށ) ކައުންސިލުތަކުން ގެރެންޓީ ދޫކުރެވޭނެ ހާލަތްތަކާއި، ގެރެންޓީ ދޫކުރެވޭނެ ބާވަތުގެ މަށްރޫޢުތަކާއި، ގެރެންޓީ ދޫކުރެވޭނެ ފަރާތްތަކާއި، ގެރެންޓީ ދޫކުރެވޭނެ ށަރުޠުތަކާއި އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

ކައުންސިލުތަކުން ހިއް ސާވާ އަމިއްލަ ވިޔަފާރިތަކުގެ މާލީ ހިންގުން 3-5. 

(ހ) ލޯކަލް އޮތޯރިޓީ ކުންފުނިތަކާއި، ކައުންސިލުތަކުން ހިއްސާވާ އަމިއްލަ ވިޔަފާރިތަކަށް ކެޕިޓަލްގެ ގޮތުގައި ނުވަތަ އެނޫންވެސް ގޮތަކުން ކައުންސިލުތަކުން ހަރަދުކުރަންވާނީ މިނިސްޓްރީ އޮފް ފިނޭންސްއިން ކަނޑައަޅާ އުސޫލުގެ ދަށުންނެވެ.

(ށ) ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ ބީލަމުގެ ކަންކަން ހިންގާނެ އު ސޫލު ކަނޑައެޅުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.

 

4 .ބުނެވިދިޔަ ގާނޫނުގެ 7 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.

ކައުންސިލުގެ މުދާ ހުއްދަކުރެވިގެން ވިއްކުމާއި އެއާމެދު ޢަމަލުކުރުން 1-7.

(ހ) ކައުންސިލުގެ މުދަލެއް ދޭންވާނީ، ނުވަތަ ވިއްކާލަންވާނީ، ނުވަތަ ކުއްޔަށްދޭންވާނީ، ނުވަތަ ދޫކޮށްލަންވާނީ، ނުވަތަ ރަހުނުކުރަންވާނީ، ނުވަތަ ނައްތާލަންވާނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، އެ ކައުންސިލަކުން ފާސްކުރާ ގޮތެއްގެމަތިންނެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކައުންސިލުން މުދަލެއް ދިނުމަށް ނުވަތަ ވިއްކާލުމަށް ނުވަތަ ކުއްޔަށްދިނުމަށް ނުވަތަ ދޫކޮށްލުމަށް ނުވަތަ ރަހުނުކުރުމަށް ނުވަތަ ނައްތާލުމަށް ނިންމައިފިނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ މަޢުލޫމާތު މިނިސްޓްރީއާ ހިއްސާކުރަންވާނެއެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 10 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.

ކައުންސިލުތަކުން އަމިއްލަ ޖަމްޢިއްޔާތަކަށާއި ޖަމާޢަތްތަކަށް ދޭ އެހީ 1-10.

(ހ) ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 73 ވަނަ މާއްދާގެ ދަށުން، ކައުންސިލުތަކުން އިދާރީ ދާއިރާގެ ނުވަތަ ރަށުގެ ނުވަތަ ސިޓީގެ ތަރައްގީގެ ޕްލޭންގައި ހިމެނޭ މަށްރޫޢުތައް ހިންގުމަށްޓަކައި، އަމިއްލަ ޖަމްޢިއްޔާތަކަށާއި ޖަމާޢަތްތަކަށް، ދައުލަތުގެ ފައިސާއިން އެހީ ދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކައުންސިލުން އެއްވެސް ފަރާތަކަށް އެހީ ދޭންވާނީ، އެއިން ފަރާތަކަށް އެހީ ދިނުމަށް އެ ކައުންސިލެއްގެ އަޣުލަބިއްޔަތުން ފާސްކުރާ ގޮތެއްގެމަތިން، އަދި ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި މިންގަނޑުތަކާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ އުސޫލުތަކާ ހިލާފުނުވާނެ ގޮތުގެމަތިންނެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ޗެޕްޓަރ 2 ގެ ސުރުހީ "ދައުލަތުގެ ފައިސާ މެނޭޖްކުރުން އަދި ސަރުކާރުގެ ބޭންކިންގ  އެރޭންޖްމަންޓް" އަށް ބަދަލުކުރުން.

 

7 .ބުނެވިދިޔަ ގާނޫނުގެ 11 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ދައުލަތުގެ ފައިސާ މެނޭޖްކުރުން 11.

11. ދައުލަތުގެ ފައިސާ އެކަށީގެންވާ ހަރުދަނާ ގޮތެއްގައި މެނޭޖްކުރުމަށްޓަކައި ދައުލަތުގެ އޮފީސްތަކުން ޢަމަލުކުރަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް މިނިސްޓަރަށް އެކުލަވާލެވިދާނެއެވެ. މިގޮތުން، އަންނަނިވި މަގްސަދުތައް ހާސިލުކުރުމަށްޓަކައި ޓްރެށަރީ ސިންގަލް އެކައުންޓު ގެ ނިޒާމް ގާއިމުކޮށް ހިންގުމުގެ ގަވާއިދުތަކާއި އުސޫލުތައް ވެސް އެކުލަވާލެވިދާނެއެވެ.

(ހ) ސަރުކާރުގެ ކޭށް ފްލޯ އެކަށީގެންވާ ހަރުދަނާ ގޮތެއްގައި މެނޭޖްކުރުން؛ އަދި 

(ށ) ސަރުކާރުގެ ބޭންކު އެކައުންޓުތަކުގެ ކޭށް ބެލެންސް އެކަށީގެންވާ ހަރުދަނާ ގޮތެއްގައި މެނޭޖްކުރުން.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 12 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ސަރުކާރުގެ ބޭންކިންގ އެރޭންޖްމަންޓް 12.

(ހ) ދައުލަތުގެ ފައިސާ ޖަމާކޮށް ބަހައްޓާނީ ޓްރެށަރީ ސިންގަލް އެކައުންޓުގެ ނިޒާމްއިން ހުޅުވާ ޕަބްލިކް ބޭންކު އެކައުންޓުތަކުގައެވެ. މި އެކައުންޓުތައް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި އަދި ދިވެހިރާއްޖޭގައި ހިންގާ ބޭންކުތަކުގައި ހުޅުވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެކައުންޓުތައް އޮޕަރޭޓުކުރާނީ މިނިސްޓަރު ކަނޑައަޅާ ފަރާތްތަކަކުންނެވެ.

(ނ) ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު( ގެ 100 ވަނަ މާއްދާގެ ދަށުން ކައުންސިލުތަކުން ހުޅުވާ ބޭންކު އެކައުންޓުތައް ބެލެވޭނީ ޕަބްލިކް ބޭންކު އެކައުންޓުތަކުގެ ބައެއްގެ ގޮތުގައެވެ.

(ރ) ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު( ގެ 100 ވަނަ މާއްދާގެ ދަށުން ކައުންސިލުތަކުން ހުޅުވާ އެކައުންޓުތަކާއި ދައުލަތުގެ އޮފީސްތަކުން ހުޅުވާ އެކައުންޓުތަކުގެ މަޢުލޫމާތު މިނިސްޓަރަށް ދިނުމުގެ ހުއްދަ، އެކައުންޓު ހުޅުވާ ކައުންސިލުން ނުވަތަ ދައުލަތުގެ އޮފީހުން، އެކައުންޓު އޮތް ބޭންކަށް ދޭންވާނެއެވެ. އަދި، އެފަދަ އެކައުންޓުތަކުގެ މަޢުލޫމާތަށް އެދި މިނިސްޓަރު ހުށަހަޅައިފިނަމަ އެ ބޭންކަކުން އެ މަޢުލޫމާތެއް މިނިސްޓަރަށް ފޯރުކޮށްދޭންވާނެއެވެ.

(ބ) ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އަށް 6 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް ޢަމަލުކުރަން ފަށާއިރު، ކައުންސިލުތަކާއި ދައުލަތުގެ އޮފީސްތަކާއި ސަރުކާރުގެ ޑިޕާޓްމަންޓުތަކާއި ސަރުކާރުގެ އޭޖެންސީތަކުން ރާއްޖޭގައި ހިންގާ ބޭންކުތަކުގައި ހުޅުވާފައިވާ އެކައުންޓުތަކުގެ މައްޗަށް، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ކަންކަން ހިނގާނެއެވެ.

(ޅ) ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އަށް 6 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް ޢަމަލުކުރަން ފަށާއިރު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ސަރުކާރުން ހުޅުވާފައިވާ ޕަބްލިކް ބޭންކު އެކައުންޓާއި އެހެންވެސް އެކައުންޓުތަކާއި، ކައުންސިލުތަކާއި ދައުލަތުގެ އޮފީސްތަކާއި ސަރުކާރުގެ ޑިޕާޓްމަންޓުތަކާއި ސަރުކާރުގެ އޭޖެންސީތަކުން ރާއްޖޭގައި ހިންގާ ބޭންކުތަކުގައި ހުޅުވާފައިވާ އެކައުންޓުތައް ބެލެވޭނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޕަބްލިކް ބޭންކު އެކައުންޓުތަކުގެ ބައެއްގެ ގޮތުގައެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 16 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

16. (ހ) (2) މިނިސްޓަރަށް ގަބޫލުކުރެވޭ ބޭންކެއްގެ އެކައުންޓުގައި ޑިޕޮޒިޓުގެ ގޮތުގައި ބެހެއްޓުމަށް.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 16 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

16. (ރ) ލޯކަލް ކައުންސިލުތަކަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ މި މާއްދާއިން އިސްތިސްނާވެގެންވެއެވެ.

 

11 .ބުނެވިދިޔަ ގާނޫނުގެ 17 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

17. (ޅ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ކޮންސޮލިޑޭޓެޑް ރެވެނިއު ފަންޑުގައި ހިމެނޭ ފައިސާގެ ތެރެއިން ކައުންސިލުތަކުގެ ބަޖެޓުގައި ހިމެނޭ ފައިސާ، އެ ކައުންސިލެއްގެ ބަޖެޓުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން މިނިސްޓަރުގެ އިތުރު ހުއްދައެއް ހޯދުމަކާ ނުލައި ހަރަދުކުރުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 20 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

20. (ނ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، ކޮންސޮލިޑޭޓެޑް ރެވެނިއު ފަންޑުގައި ހިމެނޭ ފައިސާގެ ތެރެއިން ކައުންސިލުގެ ބަޖެޓުގައި ހިމެނޭ ފައިސާ މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހަރަދުކުރުމަށް ހުއްދަދޭ ލިޔުމެއްނެތި ކައުންސިލުން ނިންމާ ގޮތެއްގެމަތިން ހަރަދުކުރުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 52 ވަނަ މައްދާގެ (ހ) ގައި ހިމެނޭ "މިނިސްޓަރު" ގެ ލަފްޒުގެ މާނަކުރުން އަންނަނިވި ގޮތަށް އިސްލާހު ކުރުން.

52. (ހ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މާލިއްޔަތާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ. 

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 52 ވަނަ މާއްދާގެ (ހ) ގައި ހިމެނޭ "ޒިންމާދާރު ވެރިއެއް" ގެ މާނަކުރުމުގެ ފަހަތަށް އަންނަނިވި ޢިބާރާތް އަދި ލަފްޒުގެ މާނަކުރުންތައް އިތުރުކުރުން.

"ކައުންސިލުގެ ދަރަނި" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 1-5 ގެ ދަށުން ކައުންސިލުން އަމިއްލައަށް ޒިންމާވާގޮތަށް ކައުންސިލުގެ މެންބަރުން ފާސްކޮށްގެން ނަގާ ދަރަންޏަށެވެ.

"ކައުންސިލު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫ ލުން ހިންގުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ އަތޮޅު، ރަށް ނުވަތަ ސިޓީ ކައުންސިލަށެވެ.

 

15 ވަނަ މާއްދާ - މި ގާނޫނުން ބުނެވިދިޔަ ގާނޫނަށް ގެނެވޭ އިސްލާހުތަކާ ގުޅިގެން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް ގެންނަންޖެހޭ އިސްލާހުތައް ގެނެސް، މި ގާނޫނަށް ޢަމަލުކުރަން ފަށާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އެ ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާ އިޢުކުރަންވާނެއެވެ.

 

16 ވަނަ މާއްދާ - މި ގާނޫނަށް ޢަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިޢުކުރާ ތާރީހުން  ފެށިގެންނެވެ.

 

މައި ގާނޫނު

މާލިއްޔަތުގެ ގާނޫނު (ގާނޫނު ނަންބަރު 2006-03)

 

ކޮންސޮލިޑޭޓެޑް ގާނޫނު

މާލިއްޔަތުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2006-03)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު