ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ގާނޫނު
(ގާނޫނު ނަންބަރު 2015-42)
އެއްވަނަ ބާބު
ފެށުން
1 ވަނަ މާއްދާ – ތަޢާރުފާއި ނަން
(ހ) މިއީ، ދިވެހިރާއްޖޭގައި ޓެލެކޮމިއުނިކޭށަން އަދިޕޯސްޓުގެ އެންމެހައި ކަންކަން ރާވައި، ހިންގާނެ ގޮތާއި އުސޫލުތައް ކަނޑައެޅުމާއި، އެ ދާއިރާތަކުގައި ހިދުމަތްދޭ ފަރާތްތަކާގުޅޭ އެންމެހައި ކަންކަން ހިންގުމާއި، ޓެލެކޮމިއުނިކޭށަނާއި ޕޯސްޓުގެ ދާއިރާ، އަދި ޓެލެކޮމިއުނިކޭށަންގެ ދާއިރާ ރެގިއުލޭޓްކުރަން ބޭނުންވާ ނިސްބަތަށް އިންފޯކޮމިއުނިކޭށަންގެ ދާއިރާއާގުޅޭ ކަންކަން ރެގިއުލޭޓްކުރުމަށްޓަކައި އޮތޯރިޓީއެއް އުފައްދައި، އެ އޮތޯރިޓީގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކަނޑައެޅުމުގެ ގާނޫނެވެ.
(ށ) މިގާނޫނަށް ކިޔާނީ، "ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ގާނޫނު" އެވެ.
ދެވަނަ ބާބު
ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސް
2 ވަނަ މާއްދާ – އޮތޯރިޓީ އުފެއްދުން
(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު ޓެލެކޮމިއުނިކޭށަން އަދި ޕޯސްޓާގުޅޭ އެންމެހައި ކަންކަން ރާވައި ހިންގާނެ އުސޫލުތައް ކަނޑައެޅުމަށާއި މި ގާނޫނު ތަންފީޛުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށްޓަކައި "ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސް" ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފެދުނީއެވެ.
(ށ) މި ގާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގަމުން އައި ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގައި ބޭނުންކުރަމުން ގެންދިޔަ އެންމެހައި މުދަލާއި ވަސީލަތްތަކާއި، ސަރުކާރުގެ ބަޖެޓުން އެ އޮތޯރިޓީއަށް އެކަށައަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ފައިސާ އާއި، ގާނޫނީގޮތުންނާއި އެއްބަސްވުންތަކުގެ ދަށުން އެ އޮތޯރިޓީން އުފުލަންޖެހޭ އެންމެހައި ވާޖިބުތަކާއި މަސްއޫލިއްޔަތުތަކާއި ގާނޫނީގޮތުންނާއި އެއްބަސްވުންތަކުގެ ދަށުން އެ އޮޓޯރިޓީއަށް ލިބިދޭ ހައްގުތަކާއި މަންފާތައް، މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސް އުފެދުމާއެކު، އެ އޮތޯރިޓީއަށް ބަދަލުވީއެވެ.
(ނ) އޮތޯރިޓީއާގުޅޭ ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ މިނިސްޓަރެވެ.
ތިންވަނަ ބާބު
އޮތޯރިޓީގެ މަގްސަދުތަކާއި ބާރުތައް
3 ވަނަ މާއްދާ – އޮތޯރިޓީގެ މައިގަނޑު މަގްސަދުތައް
އޮތޯރިޓީގެ މައިގަނޑު މަގްސަދުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ޓެލެކޮމިއުކޭށަނާއި ޕޯސްޓުގެ ދާއިރާއާއި ޓެލެކޮމިއުނިކޭށަންގެ ދާއިރާ ރެގިއުލޭޓްކުރުމަށް ބޭނުންވާ މިންވަރަށް އިންފޯކޮމިއުނިކޭށަންގެ ދާއިރާއާ ގުޅޭ ކަންކަމުގައި ދިވެހި ރައްޔިތުންގެ މަސްލަހަތުތައް ހިމާޔަތްކުރުމާއި، އިންވެސްޓްމަންޓްތަކަށް މަގުފަހިވާފަދަ ވެށްޓެއް ދިވެހިރާއްޖޭގައި އުފެއްދުމަށްޓަކައި އަންނަނިވި ކަންކަންކުރުން:
- ޓެލެކޮމިއުނިކޭށަން، ޕޯސްޓު އަދި ޓެލެކޮމިއުނިކޭށަންގެ ދާއިރާއާ ސީދާ ގުޅޭގޮތުން ފޯރުކޮށްދެވޭ އިންފޯކޮމިއުނިކޭށަންގެ ހިދުމަތްތަކަކީ ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެހައި މީހުންނަށް ފޯރުކޮށްދެވޭ ހިދުމަތްތަކެއް ހެދުމާއެކު، އިގްތިސާދީގޮތުން އެކަށީގެންވާ އަގެއްގައި، ހަރުދަނާ އަދި އިތުބާރުހުރި ގޮތެއްގައި، ދިވެހިރާއްޖޭގެ އިގްތިސާދީ އަދި އިޖްތިމާޢީ ބޭނުންތަކަށް ފުދޭ ގޮތެއްގެމަތިން، ރަނގަޅު ފެންވަރެއްގައި ދެވޭ ހިދުމަތްތަކަށް ހެދުން؛ އަދި
- ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭށަން އަދި ޕޯސްޓުގެ ސިނާޢަތު ކުރިއަރުވައި، ފުޅާކޮށް، ތަރައްގީކުރުމާއި، އެކަންކަމަށް މަގުފަހިވާފަދަ ކަންކަމަށް ހިތްވަރުދީ، ދިވެހިރާއްޖޭގައި ފޯރުކޮށްދެވޭ ޓެލެކޮމިއުނިކޭށަންގެ ހިދުމަތްތަކަކީ ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދެވޭ، ބައިނަލްއަގްވާމީ ވިޔަފާރީގައި ވާދަވެރި އަދި މުޖުތަމަޢުގެ ބޭނުންތައް ފުއްދައިދެވޭ ފެންވަރުގެ ހިދުމަތްތަކަކަށް ހެދުން.
(ށ) ޓެލެކޮމިއުނިކޭށަނާއި ޕޯސްޓުގެ ހިދުމަތް އަދި ޓެލެކޮމިއުނިކޭށަންގެ ދާއިރާއާ ސީދާ ގުޅޭގޮތުން ފޯރުކޮށްދެވޭ އިންފޯރކޮމިއުނިކޭށަންގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ވާދަވެރި ވެށްޓެއް ގާއިމްކޮށް، ކުރިއެރުވުން؛
(ނ) ޓެލެކޮމިއުނިކޭށަން އަދި ޕޯސްޓުގެ ސިނާޢަތުގެ ގައުމީ ސިޔާސަތުތައް ތަންފީޛުކުރުން؛ އަދި
(ރ) މި ގާނޫނުގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި، ޓެލެކޮމިއުނިކޭށަން އަދި ޕޯސްޓުގެ ހިދުމަތްދޭ ފަރާތްތަކަށް ލައިސަންސް ދޫކޮށް، އެ ދާއިރާތަކުގެ އެންމެހައި ކަންކަން ރާވައި ހިންގުން.
4 ވަނަ މާއްދާ – އޮތޯރިޓީގެ ޢާންމު ބާރުތައް
މި ގާނޫނުގެ 3 ވަނަ މާއްދާގައި އޮތޯރިޓީގެ މަގްސަދުތައްކަމުގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށްޓަކައި މި ގާނޫނާއި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން، އޮތޯރިޓީން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމުގެ ބާރު، އޮތޯރިޓީއަށް ލިބިގެންވެއެވެ.
ހަތަރުވަނަ ބާބު
ޑިރެކްޓަރުންގެ ބޯޑު
5 ވަނަ މާއްދާ - ޑިރެކްޓަރުންގެ ބޯޑް
(ހ) އޮތޯރިޓީގެ މަސައްކަތްތައް ކުރުމުގައި މަސްޢޫލުވާންޖެހޭ، އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑެއް އޮންނަންވާނެއެވެ.
(ށ) ބޯޑު އެކުލެވިގެންވަނީ 5 (ފަހެއް) މެންބަރުންގެ މައްޗަށެވެ.
(ނ) ބޯޑަށް މެންބަރުން އައްޔަންކޮށް ވަކިކުރާނީ، ރައީސުލްޖުމްހޫރިއްޔާއެވެ.
(ރ) ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނަށް ލިބިދެވޭ އުޖޫރަ ކަނޑައަޅާނީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.
(ބ) މި ގާނޫނަށް ޢަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޑިރެކްޓަރުންގެ ބޯޑު ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރަންވާނެއެވެ.
6 ވަނަ މާއްދާ - މެންބަރުންގެ ށަރުތު
(ހ) ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ގޮތުގައި ބޯޑަށް އައްޔަންކުރެވޭނީ އަންނަނިވި ދާއިރާތަކުގެ ތެރެއިން ދާއިރާއަކުން ފަންނީ ތަޢުލީމް އަދި/ނުވަތަ ތަޖުރިބާ ލިބިފައިވާ މީހުންނެވެ.
- ޓެލެކޮމިއުނިކޭށަންގެ ދާއިރާ؛
- ޓެކްނޮލޮޖީ ނުވަތަ އިންފޮމޭށަން ޓެކްނޮލޮޖީ ނުވަތަ ޕޯސްޓުގެ ދާއިރާ؛
- ކޮމާރސް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭށަންގެ ދާއިރާ؛
- އިގްތިސާދީ ދާއިރާ؛
- ގާނޫނީ ދާއިރާ؛
- ސަރުކާރު ހިންގުމުގެ ދާއިރާ.
(ށ) ބޯޑަށް އައްޔަންކުރެވޭ މެންބަރުންނަކީ އަންނަނިވި ށަރުތުތައް ފުރިހަމަވާ މީހުންކަމުގައި ވާންވާނެއެވެ.
- ބޯޑުގެ މެންބަރުކަމުގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ ޢިލްމީ ފެންވަރާއި ލަޔާގަތު އަދި މަސައްކަތުގެ އަހްލާގު ހުރި މީހަކުކަމުގައި ވުން؛
- ވައްކަން، ޓެކުން، ފޭރުން، މަކަޜައި ހީލަތް، ހިޔާނާތް ނުވަތަ ރިށްވަތުގެ ކުށެއް ނުވަތަ އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ވޭތުވެދިޔަ 10 (ދިހައެއް) އަހަރު ދުވަހުގެ ތެރޭގައި ކުރިކަން ށަރީޢަތަށް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން؛
- ޖިނާއީ ކުށެއް ސާބިތުވެ ހުކުމް ތަންފީޛުކުރަމުންދާ މީހެއްކަމުގައި ނުވުން؛
- އިފްލާސްކުރެވިފައިވާ މީހަކުކަމުގައި ނުވުން؛
- ޓެލެކޮމިއުނިކޭށަން، ޕޯސްޓު އަދި ޓެލެކޮމިއުނިކޭށަންގެ ދާއިރާއާ ސީދާ ގުޅެގޮތުން ފޯރުކޮށްދެވޭ އިންފޯރކޮމިއުނިކޭށަންގެ ހިދުމަތްދޭ ކުންފުންޏެއްގެ ނުވަތަ އޮތޯރިޓީގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއްކަމުގައި ނުވަތަ އެހެންވެސް މަގާމެއްގައި ހުރި މީހަކުކަމުގައި ނުވުން؛
- ޓެލެކޮމިއުނިކޭށަން، ޕޯސްޓު އަދި ޓެލެކޮމިއުނިކޭށަންގެ ދާއިރާއާ ސީދާ ގުޅޭގޮތުން ފޯރުކޮށްދެވޭ އިންފޯރކޮމިއުނިކޭށަންގެ ހިދުމަތްދޭ ކުންފުންޏެއްގެ ނުވަތަ އޮތޯރިޓީގެ ދަށުން ހިނގަމުންދާ އިދާރާއެއްގައި، އެތަނެއްގެ ޖުމްލަ %5 (ފަހެއް އިންސައްތަ) އަށްވުރެ ބޮޑު ޢަދަދެއްގެ ހިއްސާ އެމީހެއްގެ އަމިއްލަ ނަމުގައި ނުވަތަ އޭނާގެ ފަރާތުން ޢައްޔަންކޮށްފައިވާ ފަރާތެއްގެ ނަމުގައި ނުވަތަ އޭނާގެ ހިއްސާ ހިމެނޭ ކުންފުންޏެއްގެ ނަމުގައި އޮތް މީހަކުކަމުގައި ނުވުން؛
- ގާނޫނެއްގައި ކަނޑައެޅިފައިވާ އިންތިހާބަކުން މަގާމަކަށް ހޮވިފައިވާ މީހަކަށް ނުވުން؛
- ސިޔާސީ ޕާޓީއެއްގެ މަގާމެއްގައި ހުރި މީހަކު ކަމުގައި ނުވުން.
(ނ) މި މާއްދާގެ ދަށުން ބޯޑުގެ މެންބަރުންގެ ގޮތުގައި އައްޔަންކުރާ ކޮންމެ މެންބަރަކު އައްޔަންކުރެވޭނީ 5 (ފަހެއް) އަހަރު ދުވަހުގެ ދައުރަކަށެވެ. އެގޮތުން، އައްޔަންކުރެވޭ ކޮންމެ މެންބަރެއްވެސް ޢައްޔަންކުރެވޭނީ ގިނަވެގެން 2 (ދޭއް) ދައުރަށެވެ.
7 ވަނަ މާއްދާ – ބޯޑުގެ ޗެއަރމަން
(ހ) ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަންގެ މަގާމަށް، ބޯޑުގެ މެންބަރުންގެ ތެރެއިން މެންބަރަކު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެއެވެ.
(ށ) ބޯޑުގެ ޗެއަރމަންގެ ޒިންމާތަކަކީ ބޯޑުގެ މަސައްކަތްތައް ރާވައި ހިންގުމާއި ބޯޑުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމެވެ.
(ނ) ބޯޑުގެ ޗެއަރމަން ކުރަންޖެހޭ ކަމެއް ކުރުމަށް އޭނާ އުޒުރުވެރިވެއްޖެ ހާލަތެއްގައި، އެކަން ކުރުމަށް ބޯޑުގެ މެންބަރުންގެ ތެރެއިން މީހަކާ ބޯޑުގެ ޗެއަރމަން ހަވާލުކުރަންވާނެއެވެ.
8 ވަނަ މާއްދާ – މެންބަރުކަމުން ވަކިކުރުން
(ހ) ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއްގެ ކިބައިގައި ހުރުން މި ގާނޫނުން ލާޒިމްކުރާ ސިފަތަކުގެ ތެރެއިން ސިފައެއް އުނިވެއްޖެނަމަ، އޭނާގެ ބޯޑުގެ މެންބަރުކަމުން ވަކިކުރެވޭނެއެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތް ކަމުގައިވީނަމަވެސް، ބޯޑުގެ ޗެއަރމަން ނުވަތަ ބޯޑުގެ މެންބަރެއްގެ މަގާމުގެ މުއްދަތު ހަމަވުމުގެ ކުރިން، އެ މެންބަރެއްގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރެވޭނެކަމަށް ފެނިއްޖެ ހިނދެއްގައި އެ މެންބަރަކު މަގާމުން ވަކިކުރުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.
9 ވަނަ މާއްދާ – އިސްތިޢުފާދިނުން
(ހ) ޑިރެކްޓަރުންގެ ބޯޑުގެ މެންބަރަކު އޭނާގެ މަގާމުން އިސްތިޢުފާދޭން ބޭނުންވެއްޖެނަމަ ރައީސުލްޖުމްރިއްޔާއަށް ފޮނުވާ ލިޔުމަކުން އިސްތިޢުފާދެވިދާނެއެވެ. އިސްތިޢުފާދިންކަމުގެ ލިޔުން ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން އެ މެންބަރަކު އެ މަގާމުން ވަކިވީއެވެ.
(ށ) ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަން ވެސް އިސްތިޢުފާދޭނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ. އެހެންނަމަވެސް، ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަން އޭނާގެ މަގާމުން އިސްތިޢުފާދިންކަމުގައިވިޔަސް، ބޯޑުގެ މެންބަރުކަމުން އިސްތިޢުފާނުދޭހާ ހިނދަކު، ބޯޑުގެ މެންބަރުކަމުން އޭނާ އިސްތިޢުފާދިނީ ކަމުގައެއް ނުބެލެވޭނެއެވެ.
10 ވަނަ މާއްދާ – ޑިރެކްޓަރުންގެ ބޯޑުގެ މަސްޢޫލިއްޔަތުތައް
ޑިރެކްޓަރުންގެ ބޯޑުގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ޓެލެކޮމިއުނިކޭށަނާއި ޕޯސްޓުގެ ދާއިރާ، އަދި ޓެލެކޮމިއުނިކޭށަންގެ ދާއިރާ ރެގިއުލޭޓްކުރުމަށް ބޭނުންވާ މިންވަރަށް އިންފޯރކޮމިއުނިކޭށަންގެ ދާއިރާ ހިންގައި، ތަރައްގީކުރުމަށްޓަކައި އޮތޯރިޓީން ކުރަންޖެހޭ ކަންކަން ކަނޑައެޅުން؛
(ށ) އޮތޯރިޓީ ހިންގުމާގުޅޭ އަންނަނިވި ގަވާއިދުތައް ހަދައި، އެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން އޮތޯރިޓީ ހިނގާތޯ ބެލުން:
- އޮތޯރިޓީގެ ހިންގުމާގުޅޭ ގަވާއިދުތައް؛
- ބޯޑުގެ ޖަލްސާތައް ބޭއްވުމުގެ ގަވާއިދުތައް
11 ވަނަ މާއްދާ – ބޯޑުގެ ޖަލްސާތައް
(ހ) ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާއެއް ބޭއްވޭނީ، ބޯޑުގެ 3 (ތިނެއް) މެންބަރުން ހާޒިރުވުމުންނެވެ.
(ށ) ބޯޑުން ކަމެއް ނިންމީކަމަށް ބެލެވޭނީ، ބޯޑުގެ ޖުމްލަ މެންބަރުންގެ އަޣްލަބިއްޔަތުން އެކަމެއް ފާސްވުމުންނެވެ.
(ނ) ބޯޑުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނީ ބޯޑުގެ ޗެއަރމަނެވެ. އޭނާއަށް ހާޒިރުވެވެން ނެތް ހާލަތެއްގައި ބޯޑުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނީ އެ ޖަލްސާއަށް ހާޒިރުވި ބޯޑުގެ މެންބަރުންގެ ތެރެއިން އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން އިންތިހާބުކުރާ މެންބަރެކެވެ.
(ރ) މަދުވެގެން ކޮންމެ ތިން މަހުން އެއް ފަހަރު ބޯޑުގެ ޖަލްސާއެއް ބާއްވަންވާނެއެވެ.
(ބ) ބޯޑުގެ 3 (ތިނެއް) މެންބަރުންނަށްވުރެ މަދުނޫން ޢަދަދެއްގެ މެންބަރުން ބޯޑުގެ ޖަލްސާއެއް ބޭއްވުމަށް ބޭނުންވާނަމަ އެކަން ސަބަބު ބަޔާންކޮށް ބޯޑުގެ ޗެއަރމަނަށް ހުށަހެޅިދާނެއެވެ. އަދި ބޯޑުގެ ޗެއަރމަނަށް އެ ނޯޓިސް ލިބޭތާ 5 (ފަހެއް) ދުވަހުގެ ތެރޭގައި އެ ނޯޓިހުގައި ހުށަހަޅާފައިވާ ގޮތުގެމަތިން ބޯޑުގެ ޖަލްސާއެއް ބާއްވަންވާނެއެވެ.
(ޅ) ބޯޑުން އަވަސް ގޮތަކަށް މައްސަލައެއް ނިންމައިދިނުމަށް އެދި ބޯޑުގެ ޗެއަރމަނަށް ލިޔުމަކުން ހުށަހެޅުމުގެ އިހްތިޔާރު ޗީފް އެގްޒެކެޓިވްއަށް ލިބިގެންވެއެވެ. އެގޮތުން ޗީފް އެގްޒެކެޓިވް ހުށަހެޅުމެއް ހުށަހަޅައިފިނަމަ އެ ހުށަހެޅުން ބޯޑުގެ ޗެއަރމަނަށް ލިބޭތާ 5 (ފަހެއް) ދުވަހުގެ ތެރޭގައި ބޯޑުގެ ޖަލްސާއެއް ބާއްވައި، ޗީފް އެގްޒެކެޓިވް ހުށަހަޅާފައިވާ މައްސަލައާމެދު ގޮތެއް ނިންމަންވާނެއެވެ.
ފަސްވަނަ ބާބު
އޮޓޯރިޓީ ހިންގުން
12 ވަނަ މާއްދާ – ޗީފް އެގްޒެކެޓިވް
(ހ) އޮތޯރިޓީ ދުވަހުން ދުވަހަށް ހިންގުމުގެ ވެރިޔަކީ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވްއެވެ. ޗީފް އެގްޒެކެޓިވްގެ މަގާމަކީ ދިވެހި ސިވިލް ސާރވިސްގެ މަގާމެކެވެ. ޗީފް އެގްޒެކެޓިވްގެ މަސްއޫލިއްޔަތުގެ ތެރޭގައި ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިން މި ގާނޫނު ތަންފީޛުކުރުމަށް ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންތައްތައް ކުރުމާއި އޮތޯރިޓީގެ އިދާރީ ހިންގުމުގެ އެންމެހައި ކަންކަން ކުރުން ހިމެނެއެވެ.
(ށ) ޗީފް އެގްޒެކެޓިވް އައްޔަންކޮށް ވަކިކުރާނީ، ސިވިލް ސަރވިސް ކޮމިށަނުންނެވެ. އަދި އެ މަގާމަކީ ސިވިލް ސާރވިސްގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމާ އެއް ފެންވަރުގެ ސިވިލް ސަރވިސްގެ މަގާމެކެވެ. އޭގެ އިތުރުން، ޗީފް އެގްޒެކެޓިވްކަމަށް ޢައްޔަންކުރެވޭ މީހަކީ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގައި ހުރުން ލާޒިމްކަމަށް މިގާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާ މީހެއްކަމުގައި ވާންވާނެއެވެ.
(ނ) ޓެލެކޮމިއުނިކޭށަން، ޕޯސްޓުގެ ދާއިރާ އަދި ޓެލެކޮމިއުނިކޭށަންގެ ދާއިރާ ރެގިއުލޭޓްކުރަން ބޭނުންވާ ނިސްބަތަށް އިންފޯރކޮމިއުނިކޭށަންގެ ދާއިރާ ރެގިއުލޭޓްކުރުމާއި، ޓެލެކޮމިއުނިކޭށަން އަދި ޕޯސްޓުގެ ދާއިރާތައް ތަރައްގީކުރުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުމާއި، އޮތޯރިޓީގެ ޖަލްސާތައް ބާއްވައި، ޖަލްސާތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމާއި، އޮތޯރިޓީގެ ބޭންކު އެކައުންޓްތައް ހުޅުވުމާއި ބަންދުކުރުމާއި، ހިސާބުތައް ބެލެހެއްޓުމާއި، ހިސާބުތައް އޮޑިޓްކުރުމަށް ބޭނުންވާ ހުރިހާ ކަމެއް ކުރުމަކީ ޗީފް އެގްޒެކެޓިވްގެ މަސްއޫލިއްޔަތެވެ.
(ރ) ރައްޔިތުންގެ މަޖިލީހަށް ޖަވަބުދާރީވުން ފިޔަވައި، އޮތޯރިޓީ ތަމްސީލުކުރަންޖެހޭ ކަންކަމުގައި އޮތޯރިޓީ ތަމްސީލުކުރާނީ، އޮތޯރިޓީގެ ޗީފް އެގްޒެކެޓިވްއެވެ.
(ބ) މި ގާނޫނަށް ޢަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި މި ގާނޫނުގެ ދަށުން ޢައްޔަންކުރާ އޮތޯރިޓީގެ ފުރަތަމަ ޗީފް އެގްޒެކެޓިވް ޢައްޔަންކުރަންވާނެއެވެ.
13 ވަނަ މާއްދާ - އޮތޯރިޓީގެ މުވައްޒަފުން
(ހ) އޮތޯރިޓީގެ މުވައްޒަފުންގެ ގޮތުގައި ތިބޭނީ ސިވިލް ސަރވިސްގެ މުވައްޒަފުންނެވެ. އަދި އެ މުވައްޒަފުންގެ މައްޗަށް ހިނގާނީ، ދިވެހި ސިވިލް ސަރވިސްގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކެވެ.
(ށ) އޮތޯރިޓީގެ ފަންނީ އަދި އިދާރީ މުވައްޒަފުންގެ ވަޒީފާގެ ގިންތިތަކާއި މަސްއޫލިއްޔަތުތައް ބަޔާންކުރާ އިދާރީ އޮނިގަނޑެއް އޮތޯރިޓީގެ ބޯޑުން އެކުލަވާލައި ބޯޑުގެ މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރަންވާނެއެވެ.އަދި އެ އޮނިގަނޑުގައި އޮތޯރިޓީގެ މުވައްޒަފުންގެ މަގާމުތަކުގެ ށަރުތުތަކާއި އެކި ކަންކަމަށް މުވައްޒަފުން ތިބެންވާނެ ޢަދަދު ކަނޑައަޅާފައި އޮންނަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން އޮތޯރިޓީން އެކުލަވާލައި އޮނިގަނޑުގައިވާގޮތުގެ މަތިން އަދި އޮޓޯރިޓީގެ މަށްވަރާއާއެކު އޮތޯރިޓީއަށް ބޭނުންވާ މުވައްޒަފުން ޢައްޔަންކޮށް ވަކިކުރާނީ ސިވިލް ސަރވިސް ކޮމިށަނުންނެވެ.
(ރ) އޮތޯރިޓީގެ މުވައްޒަފުންގެ މަގާމުގެ ފެންވަރާއި އެ މުވައްޒަފުންނަށް ލިބުދެވޭނެ މުސާރައާއި ޢިނާޔަތްތައް ކަނޑައަޅާނީ، އޮތޯރިޓީގެ ބޯޑުގެ މަށްވަރާއާއެކު ސިވިލް ސަރވިސް ކޮމިށަނުންނެވެ.
(ބ) މި ގާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގަމުންއައި ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ މުވައްޒަފުން، މި ގާނޫނުގެ 2 ވަނަ މާއްދާގެ ދަށުން އުފެދޭ ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސް އުފެދުމާއެކު، އެ އޮތޯރިޓީގެ މުވައްޒަފުން ކަމުގައި ހަމަޖެހުނީއެވެ.
(ޅ) މި މާއްދާގެ (ބ) އެހެން އޮތްނަމަވެސް، ޗީފް އެގްޒެކެޓިވް ކަމަށް މީހަކު ޢައްޔަންކުރާނީ، މި ގާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިންނެވެ.
14 ވަނަ މާއްދާ – ގާނޫނީ ހިމާޔަތް
ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، ހެޔޮ ނިޔަތުގައި އޮތޯރިޓީގެ މުވައްޒަފަކު ނުވަތަ އޮތޯރިޓީގެ ނަމުގައި މަސައްކަތްކުރާ ފަރާތަކުން އޭނާގެ ވާޖިބުތައް އަދާކުރުމުގައި ކުރާ ކަމަކާމެދު ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކާމެދު އޭނާގެ މައްޗަށް ދަޢުވާއެއް ނުކުރެވޭނެއެވެ.
15 ވަނަ މާއްދާ – އެހެން ފަރާތަކާ މަސައްކަތް ހަވާލުކުރުން
އޮތޯރިޓީގެ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއް ނުވަތަ މަސައްކަތަކުން ބައެއް، މި ގާނޫނާ ނުވަތަ އެނޫންވެސް ގާނޫނަކާ ހިލާފުނުވާނެ ގޮތުގެމަތިން ބޯޑުން ކަނޑައަޅާ އުސޫލުތަކެއްގެ ދަށުން އެހެން ފަރާތަކާ ހަވާލުކުރެވިދާނެއެވެ. އެގޮތުން ހަވާލުކުރެވޭ މަސައްކަތެއް ހަވާލުކުރަންވާނީ އެކަމަށްޓަކައި ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.
ހަވަނަ ބާބު
އޮޓޯރިޓީގެ މަސައްކަތްތައް
16 ވަނަ މާއްދާ – އޮތޯރިޓީގެ މަސައްކަތްތައް
އޮތޯރިޓީގެ މަސައްކަތްތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) މި ގާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޓެލެކޮމިއުނިކޭށަންގެ މަސައްކަތްތައް؛
(ށ) މި ގާނޫނުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސްޕެކްޓްރަމް ބެލެހެއްޓުމުގެ މަސައްކަތްތައް؛
(ނ) މި ގާނޫނުގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޕޯސްޓުގެ ދާއިރާ ބެލެހެއްޓުމުގެ މަސައްކަތްތައް؛
(ރ) މި ގާނޫނުގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޓެލެކޮމިއުނިކޭށަންގެ ދާއިރާ ރެގިއުލޭޓްކުރުމަށް ބޭނުންވާ މިންވަރަށް އިންފޯކޮމިއުނިކޭށަންގެ ދާއިރާ ރެގިއުލޭޓްކުރުމުގެ މަސައްކަތްތައް؛
(ބ) މި ގާނޫނުގެ ދަށުން ނުވަތަ އެހެން ގާނޫނަކުން އޮތޯރިޓީން ކުރަންޖެހޭ ކަމަށް ބަޔާންކުރާ މަސައްކަތްތައް؛ އަދި
(ޅ) މި މާއްދާގައި ބަޔާންކޮށްފައިވާ މަސައްކަތްތައް ކުރުމަށްޓަކައި ނުވަތަ ކުރުމަށް މަގުފަހިކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކާއި، އެނޫނަސް މި ގާނޫނު ހިންގުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން.
17 ވަނަ މާއްދާ – ޓެލެކޮމިއުނިކޭށަނާ ގުޅޭ މަސައްކަތްތައް
ޓެލެކޮމިއުނިކޭށަންގެ ދާއިރާއާ ގުޅޭގޮތުން އޮތޯރިޓީން ކުރާ މަސައްކަތްތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
(ހ) މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ޓެލެކޮމިއުނިކޭށަނާއި ރޭޑިޔޯ ކޮމިއުނިކޭށަންގެ ކަންކަން ރެގިއުލޭޓްކުރުން؛
(ށ) ޓެލެކޮމިއުނިކޭށަންގެ ސިނާޢަތަށް ބޭނުންވާ ލަފައާއި އެހީތެރިކަން ފޯރުކޮށްދިނުން؛
(ނ) ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭށަންގެ ދާއިރާ ތަރައްގީކުރުމަށް ހިތްވަރުދީ، ޓެލެކޮމިއުނިކޭށަންގެ ސިނާޢާތު ކުރިއެރުވުން؛
(ރ) ޓެލެކޮމިއުނިކޭށަންގެ ސިނާޢަތާ ބެހޭގޮތުން ނުވަތަ ޓެލެކޮމިއުނިކޭށަންގެ ހިދުމަތްތަކާ ބެހޭގޮތުން ނުވަތަ ހިދުމަތް ބޭނުންކުރާ ނުވަތަ ހިދުމަތަށް އެދޭ ފަރާތްތަކަށް ދިމާވާ މައްސަލަތައް ބަލައި، ފިޔަވަޅު އެޅުން؛
(ބ) ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭށަންގެ ސިނާޢަތުގައި، ހަމަހަމަ އަދި ވާދަވެރި ވެށްޓެއް ގާއިމްކޮށް ކުރިއަރުވައި ތަރައްގީކުރުން؛
(ޅ) ޓެލެކޮމިއުނިކޭށަންގެ ދާއިރާގައި ހިނގާ ވިޔަފާރީގެ ވާދަވެރިކަމާ ދެކޮޅު ކަންތައްތައް ހުއްޓުވުން؛
(ކ) ޓެލެކޮމިއުނިކޭށަންގެ ހިދުމަތްދޭ ފަރާތްތަކަށް ލައިސަންސް ދޫކުރުމާއި، ކަމާގުޅޭ އެނޫންވެސް ކަންކަން ހިންގައި ބެލެހެއްޓުން؛
(އ) ހިދުމަތުގެ އަގުތައް ފާސްކުރުމާއި އަގު ކޮންޓްރޯލް ކުރުމާއި، ކަމާބެހޭ ކަންކަން ބެލެހެއްޓުމާއި، ލައިސަންސް ދޫކުރެވޭ ފަރާތްތަކުގެ ލައިސަންސާ ގުޅިގެން މާލީ ގޮތުން ބަލަހައްޓަންޖެހޭ އެންމެހައި ކަންކަން ބަލަހައްޓައ، ހިންގުން؛
(ވ) ޓެލެކޮމިއުނިކޭށަންގެ ސިނާޢަތުގައި ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅޭގޮތުން ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ މެދުގައި، ހިދުމަތް ދޭނެ އުސޫލުތައް ކަނޑައަޅައި، އެ އުސޫލުތައް ދެމެހެއްޓުމަށް ބާރުއެޅުން؛
(މ) ޓެލެކޮމިއުނިކޭށަންގެ ނަންބަރިންގ ޕްލޭނާއި އެނޫނަސް ޓެލެކޮމިއުނިކޭށަންގެ ހިދުމަތްތައް ދިނުމުގައި އިލެކްޓްރޯނިކް ޛަރީއާއިން އެޑްރެސްކުރުމާބެހޭ އެންމެހައި ފަންނީ އަދި އިދާރީ ކަންކަން ހިންގައި ބެލެހެއްޓުން؛
(ފ) ޓެލެކޮމިއުނިކޭށަންގެ ހިދުމަތްތައް ނުވަތަ ނެޓްވަރކްތައް އިންޓަރކަނެކްޓްކުރުމަށް މަގުފަހިކޮށްދިނުމާއި، އެކަމާ ގުޅިގެން އުފެދޭ ދެބަސްވުންތައް ހައްލުކުރުން؛
(ދ) ދިވެހިރާއްޖޭގައި ބޭނުންކުރެވޭ ޓެލެކޮމިއުނިކޭށަން އިކުއިޕްމަންޓް ބަލައި ފާސްކޮށް، ހުއްދަދިނުން؛
(ތ) ޓެލެކޮމިއުނިކޭށަންގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ މިންގަނޑުތައް ކަނޑައެޅުން؛
(ލ) ސެޓަލައިޓްގެ ގުޅުން ގާއިމްކުރުމަށް ކުރެވޭ މަސައްކަތްތައް ރެގިއުލޭޓްކުރުމާއި، އެ ކަންކަން އިންޓަރނޭށަނަލް ޓެލެކޮމިއުނިކޭށަންސް ޔޫނިއަންއާއި ކަމާބެހޭ ބައިނަލްއަގްވާމީ ޖަމްޢިއްޔާތައް ނުވަތަ އިދާރާތަކާއެކު ވިލަރެސްކުރުން؛
(ގ) ޓެލެކޮމިއުނިކޭށަންގެ ވަސީލަތްތައް ގާއިމްކުރުމުގައި ތިމާވެށި ހިމާޔަތްކުރުމަށްޓަކައި އެކަށީގެންވާ ފިޔަވަޅު އެޅުމަށް ޓެލެކޮމިއުނިކޭށަންގެ ސިނާޢާތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބާރުއަޅައި، ހިތްވަރުދިނުން؛
(ޏ) ޓެލެކޮމިއުނިކޭށަންގެ ސިނާޢަތާ ގުޅުންހުރި ކަންކަމާ ބެހޭގޮތުން ޢާންމުނަށް މަޢުލޫމާތު ފޯރުކޮށްދީ އިރުށާދުދިނުން؛
(ސ) ޓެލެކޮމިއުނިކޭށަނާބެހޭ ބައިނަލްއަގްވާމީ މިންގަނޑުތައް ކަނޑައެޅުމުގައި ދިވެހިރާއްޖެ ބައިވެރިވާ މިންވަރު ވިލަރެސްކުރުމާއި، ޓެލެކޮމިއުނިކޭށަނާބެހޭ ބައިނަލްއަގްވާމީ ފޯރަމްތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރުން.
18 ވަނަ މާއްދާ – ސްޕެކްޓްރަމް ބެލެހެއްޓުމާގުޅޭ މަސައްކަތްތައް
ސްޕެކްޓްރަމް ބެލެހެއްޓުމާ ގުޅޭގޮތުން އޮތޯރިޓީގެ މަސައްކަތްތައް ތިރީގައި ބަޔާންކޮށްފައިއެވަނީއެވެ.
(ހ) ދިވެހިރާއްޖޭގެ ރޭޑިޔޯ ފްރީކުއެންސީ ސްޕެކްޓްރަމް ރާވައި، ހިންގައި، ބެލެހެއްޓުމުގެ އެންމެހައި ކަންކަން ކުރުން؛
(ށ) ރޭޑިޔޯ ކޮމިއުނިކޭށަން އިކުއިޕްމަންޓާއި ސްޕެކްޓްރަމް ބޭނުންކުރުމަށް ލައިސަންސް ދޫކުރުމާއި، ކަމާބެހޭ ކަންކަން ބެލެހެއްޓުން؛
(ނ) ރޭޑިޔޯ ފްރީކުއެންސީތަކަށް ކުރިމަތިވާ އިންޓަރފިއަރެންސް ހުއްޓުވުމަށް މަސައްކަތްކުރުމާއި، އެފަދަ ކަންކަމާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ތަހްގީގްކުރުމާއި ފިޔަވަޅުއެޅުން.
19 ވަނަ މާއްދާ - ޕޯސްޓާގުޅޭ މަސައްކަތްތައް
ޕޯސްޓުގެ ދާއިރާއާ ގުޅޭގޮތުން އޮތޯރިޓީގެ މަސައްކަތްތައް ތިރީގައ ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ދިވެހިރާއްޖޭގައި ޕޯސްޓުގެ ހިދުމަތް ދޭ ފަރާތްތައް ރަޖިސްޓަރީކޮށްދިނުން؛
(ށ) ޕޯސްޓުގެ ހިދުމަތް ދޭ ފަރާތްތަކުން ފޯރުވައިދޭ ހިދުމަތުގެ ފެންވަރު ބެލުން؛
(ނ) ޕޯސްޓުގެ ދާއިރާ ރެގިއުލޭޓްކުރުމާބެހޭ ބައިނަލްއަގްވާމީ މިންގަނޑުތައް ކަނޑައެޅުމުގައި ދިވެހިރާއްޖެއިން ދޭން ބޭނުންވާ ލަފަޔާއި މަށްވަރާދިނުމާއި، ޕޯސްޓާބެހޭ ބައިނަލްއަގްވާމީ ފޯރަމްތަކުގައި ދިވެހިރާއްޖެ ތަމްސީލްކުރުން.
20 ވަނަ މާއްދާ – އިންފޯރކޮމިއުނިކޭށަނާ ގުޅޭ މަސައްކަތްތައް
އިންފޯކޮމިއުނިކޭށަންގެ ދާއިރާއާ ގުޅޭގޮތުން އޮތީރިޓީން ކުރާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭނީ، ޓެލެކޮމިއުނިކޭށަންގެ ދާއިރާއާ ސީދާގުޅޭ ކަންކަމުގައި އިންފޯކޮމިއުނިކޭށަންގެ ދާއިރާ ރެގިއުލޭޓްކުރުމަށް ބޭނުންވާ ނިސްބަތަށް ކުރަންޖެހޭ މަސައްކަތްތަކެވެ. އޭގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
(ހ) މި ގާނޫނުގައި ކަނޑައަޅާފައިވާ ދާއިރާގެ ތެރޭގައި އިންފޯކޮމިއުނިކޭށަންގެ ކަންކަން ރެގިއުލޭޓްކުރުން؛
(ށ) ޓެލެކޮމިއުނިކޭށަންގެ ދާއިރާއާ ސީދާގުޅޭ ކަންކަމުގައި އިންފޯކޮމިއުނިކޭށަންގެ ސިނާޢަތަށް ބޭނުންވާ ލަފަޔާއި އެހީތެރިކަން ދިނުން؛
(ނ) ޓެލެކޮމިއުނިކޭށަންގެ ދާއިރާއާ ސީދާގުޅޭ އިންފޯކޮމިއުނިކޭށަންގެ ހިދުމަތްތައް ފޯރުކޮށްދިނުމާބެހޭ ސިޔާސަތުތައް ކަނޑައެޅުން.
ހަތްވަނަ ބާބު
އޮޑިޓްކުރުމާއި ރިޕޯޓުކުރުން
21 ވަނަ މާއްދާ - އޮޑިޓްކުރުން
ކޮންމެ އަހަރަކު 1 (އެކެއް) ފަހަރު އޮތޯރިޓީގެ ހިސާބުތައް އޮޑިޓަރ ޖެނެރަލް ގަބޫލުކުރާ އަދި ބޯޑުން އެކަމަށް ޢައްޔަންކުރާ އެކައުންޓެންޓަކު މެދުވެރިކޮށް އޮޑިޓްކުރަންވާނެއެވެ.
22 ވަނަ މާއްދާ - އަހަރީ ރިޕޯޓް
ވޭތުވެދިޔަ އަހަރު އޮތޯރިޓީ ހިންގިގޮތުގެ ރިޕޯޓެއް، އޮޑިޓްކުރެވިފައިވާ ހިސާބުތަކާއެކު، ކޮންމެ މާލީ އަހަރެއް ނިމޭތާ 4 (ހަތަރެއް) މަސް ދުވަހުގެ ތެރޭގައި އޮތޯރިޓީން ތައްޔާރުކޮށް، ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅައި، އެ ބޯޑުން ފާސްކުރުމަށްފަހު މިނިސްޓަރަށް ހުށަހަޅަންވާނެއެވެ. އަދި އެ ރިޕޯޓުގެ ކޮޕީއެއް ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރު ފޮނުވަންވާނެއެވެ.
23 ވަނަ މާއްދާ – މަސައްކަތްތައް ވަޒަންކޮށް، ބެލެހެއްޓުން
(ހ) މި ގާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަހަރީ ރިޕޯޓުގެ އިތުރުން، މި ގާނޫނުގެ ދަށުން ލައިސަންސް ދޫކުރެވޭ ފަރާތްތަކާ ޓެލެކޮމިއުނިކޭށަނާއި ޕޯސްޓުގެ ސިނާޢަތުގެ، އަދި ޓެލެކޮމިއުނިކޭށަންގެ ދާއިރާއަށް ބޭނުންވާ ނިސްބަތަށް އިންފޯކޮމިއުނިކޭށަންގެ ސިނާޢަތުގެ ބައިވެރިންގެ މަސައްކަތްތައް މޮނިޓަރކޮށް، ކޮންމެ މާލީ އަހަރެއް ނިމުމާއެކު، މަސައްކަތްތައް ވަޒަންކުރުމުގައި ފާހަގަކުރެވުނު މުހިންމު ކަންކަމާ ބެހޭގޮތުންނާއި، ހާއްސަކޮށް އަންނަނިވި ކަންކަމަށް ރިޢާޔަތްކޮށް، އެކުލަވާލާ ރިޕޯޓެއް، އޮތޯރިޓީން މިނިސްޓަރަށް ހުށަހަޅަންވާނެއެވެ. އެގޮތުން މިނިސްޓަރަށް ހުށަހަޅާ ރިޕޯޓު މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.
- ހިދުމަތް ލިބިގަންނަ ފަރާތުގެ ހިތްހަމަޖެހުން ހުރި މިންވަރު؛
- ހިދުމަތް ލިބިގަންނަ ފަރާތަށް ލިބޭ މަންފާތައް؛ އަދި
- ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަސައްކަތްތައް ކުރުމުގައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، ޓެލެކޮމިއުނިކޭށަނާއި ޕޯސްޓުގެ ސިނާޢަތުގެ، އަދި ޓެލެކޮމިއުނިކޭށަންގެ ދާއިރާއަށް ބޭނުންވާ ނިސްބަތަށް އިންފޯކޮމިއުނިކޭށަންގެ ސިނާޢަތުގެ މަސައްކަތް ވަޒަންކުރުމުގައި ޢަމަލުކުރާ މިންގަނޑުތަކަށް އޮތޯރިޓީއަށް ރިޢާޔަތްކުރެވިދާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން އޮތޯރިޓީން މޮނިޓަރކޮށް ރިޕޯޓުކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
- ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުންނާއި އެނޫންވެސް ފަރާތްތަކުން މި ގާނޫނު ހިންގައި ތަންފީޛުކުރަމުންދާ ގޮތް؛
- ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުން ވަސީލަތްތަކާއި ހިދުމަތްތައް ފޯރުކޮށްދެމުންގެންދާ ފެންވަރު؛
- ހިދުމަތް ލިބިގަންނަ ފަރާތްތަކުން ހިދުމަތްތަކާމެދު ހިތްހަމަޖެހޭ މިންވަރާއި، އެ ހިދުމަތްތަކާމެދު ށަކުވާކުރާ މިންވަރު؛
- ހިދުމަތް ލިބިގަންނަ ފަރާތްތަކުން ހިދުމަތް ލިބިގަތުމަށް ދައްކާ ފީ އަދި/ނުވަތަ އަގުތައް؛
- ޓެލެކޮމިއުނިކޭށަނާއި ޕޯސްޓުގެ ސިނާޢަތުގެ، އަދި ޓެލެކޮމިއުނިކޭށަންގެ ދާއިރާއަށް ބޭނުންވާ ނިސްބަތަށް އިންފޯކޮމިއުނިކޭށަންގެ ސިނާޢަތުގައި ހިދުމަތްދޭ ފަރާތްތަކުގެ އަމިއްލަ ރެގިއުލޭޓަރީ އުސޫލުތައް ތަރައްގީވެފައިވާ މިންވަރު؛
- ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދުތަކަކަށް ޓެލެކޮމިއުނިކޭށަންގެ ހިދުމަތްތައް ލިބެންހުރި މިންވަރާއި ފެންވަރު؛
- ޓެލެކޮމިއުނިކޭށަންގެ ހިދުމަތުގައި ވާދަވެރިކަން އުފެދިފައިވާ މިންވަރާއި، އެ ވާދަވެރިކަން ދެމެހެއްޓުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ހަރުދަނާކަން؛
- މި ގާނޫނު ހިންގުމުގައި ދިމާވާ ދަތިތަކާއި ހުރަސްތައް؛ އަދި
- މަތީގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅުންހުރިކަމަށް އޮތޯރިޓީއަށް ފެންނަ އިތުރު ކަންކަން.
އަށްވަނަ ބާބު
ސިޔާސަތު ކަނޑައެޅުމާއި މިނިސްޓަރުގެ އެންގުން
24 ވަނަ މާއްދާ – ސިޔާސަތު ކަނޑައެޅުމުގެ ޒިންމާ
ހ) މި ގާނޫނުގެ މަގްސަދުތައް ހާސިލުވާނެ ގޮތުގެމަތިން، އަދި މި ގާނޫނުގެ އެއްވެސް އުސޫލަކާ ހިލާފުނުވާނެ ގޮތުގެމަތިން، ދިވެހިރާއްޖޭގައި ޓެލެކޮމިއުނިކޭށަނާއި ޕޯސްޓާބެހޭ ސިޔާސަތުތަކާއި ޓެލެކޮމިއުނިކޭށަންގެ ދާއިރާއާ ސީދާ ގުޅޭ ކަންކަމުގައި، އެ ނިސްބަތަށް އިންފޯކޮމިއުނިކޭށަނާބެހޭ ސިޔާސަތުތައް އެކަށައަޅާނީ މިނިސްޓަރެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މިނިސްޓަރު ސިޔާސަތުތައް ކަނޑައެޅުމުން، އޮތޯރިޓީން އޮތޯރިޓީގެ މަސްއޫލިއްޔަތުތައް އަދާކުރަންވާނީ، އެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
25 ވަނަ މާއްދާ – މިނިސްޓަރު އޮތޯރިޓީއަށް އަންގާ އެންގުން
(ހ) މި ގާނޫނު ނުވަތަ އެހެން ގާނޫނެއްގެ ދަށުން އޮތޯރިޓީން އަދާކުރަންޖެހޭ މަސްއޫލިއްޔަތެއް އަދާކުރުމުގައި، ޓެލެކޮމިއުނިކޭށަން، ޕޯސްޓު އަދި އިންފޯކޮމިއުނިކޭށަނާ ގުޅޭގޮތުން ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުތަކާ ހިލާފަށް އޮތޯރިޓީން މަސައްކަތްކުރާނަމަ، އެކަން އިސްލާހުކުރުމަށް އޮތޯރިޓީއަށް އެންގުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.
(ށ) ޓެލެކޮމިއުނިކޭށަން، ޕޯސްޓު އަދި އިންފޯކޮމިއުނިކޭށަނާބެހޭ ސިޔާސަތުތަކާ ގުޅޭގޮތުން އޮތޯރިޓީއަށް އަންގަންޖެހޭ އެންގުންތައް އަންގާނީ، މިނިސްޓަރުގެ ލިޔުމަކުންނެވެ.
(ނ) މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، މި މާއްދާގެ ދަށުން މިނިސްޓަރު އެންގުމެއް އަންގާ ތާރީހުން ފެށިގެން، ނުވަތަ އެ އެންގުމާ އެއްގޮތަށް ޢަމަލުކުރަން ފެށުމަށް އެ އެންގުމުގައި ކަނޑައަޅާފައިވާ ތާރީހުން ފެށިގެން، އެ އެންގުމާ އެއްގޮތަށް އޮތޯރިޓީން ޢަމަލުކުރަންވާނެއެވެ. އަދި އެ އެންގުމުގައި ވަކި މުއްދަތެއް ބަޔާންކޮށްފައިނުވާނަމަ، އެ އެންގުން ބާތިލުކުރުމާ ހަމައަށް އެ އެންގުމުގައިވާ ގޮތަށް އޮތޯރިޓީން ޢަމަލުކުރަމުން ގެންދަންވާނެއެވެ.
(ރ) މި މާއްދާގެ ދަށުން މިނިސްޓަރު އަންގާ އެންގުންތައް، އޮތޯރިޓީން ރަޖިސްޓަރީއެއްގައި ރެކޯޑުކޮށް، ބަލަހައްޓަންވާނެއެވެ.
ނުވަވަނަ ބާބު
ށަކުވާ ބެލުން
26 ވަނަ މާއްދާ – ސަބަބު ބަޔާންކުރުން
(ހ) މި ގާނޫނުގެ ދަށުން އޮތޯރިޓީއަށް ލިބިދޭ ބާރުގެ ދަށުން އޮތޯރިޓީން ނިންމާ ނިންމުމެއްގެ ސަބަބުން މީހެއްގެ ހައްގަކަށް އުނިކަން ލިބޭކަމަށް އޭނާއަށް ގަބޫލުކުރެވޭނަމަ، އޮތޯރިޓީގެ ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެ ނިންމުން އެފަދައިން ނިންމި ސަބަބުތައް ބަޔާންކޮށްދިނުން އެދި، އޭނާއަށް އޮތޯރިޓީއަށް ހުށަހެޅިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ސަބަބު ބަޔާންކޮށްދިނުން އެދި ހުށަހަޅާ ހުށަހެޅުމެއް، އޮތޯރިޓީއަށް ލިބޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެ ނިންމުން ބިނާކޮށްފައިވާ ސަބަބުތަކާއި، އެ ނިންމުން ނިންމުމުގައި ރިޢާޔަތްކުރި ކަންކަން، މައްސަލަ ހުށަހެޅި ފަރާތަށް ފޯރުކޮށްދޭންވާނެއެވެ.
(ނ) އޮތޯރިޓީން ނިންމާ ނިންމުމެއްގެ ސަބަބުން ގެއްލުން ލިބޭ ފަރާތްތަކަށް، އެ ނިންމުން ބިނާކުރި ސަބަބުތައް ބަޔާންކުރާ ލިޔުން ދިނުމުގެ ސަބަބުން، ނުވަތަ އެ ލިޔުން ޢާންމުކުރުމުގެ ސަބަބުން ނުވަތަ ހާމަކުރުމުގެ ސަބަބުން އަންނަނިވި ކަންކަން މެދުވެރިވެދާނެ ހާލަތްތަކުގައި އެ ލިޔުން ދިނުމަށް ނުވަތަ ޢާންމުކުރުމަށް ނުވަތަ ހާމަކުރުމަށް އޮތޯރިޓީއަށް ލާޒިމުވެގެނެއްނުވެއެވެ.
- އެ މައްސަލައިގައި ހިމެނޭ މަޢުލޫމާތަކީ ސިއްރުކުރަން ގާނޫނު ހުއްދަކުރާ މަޢުލޫމާތެއްކަމަށް ވުން؛ ނުވަތަ
- އެހެން މީހެއްގެ މައްޗަށް އިންސާފުވެރި ށަރީޢަތެއް ހިންގުމަށް ހުރަސްއެޅޭފަދަ ކަމަކަށް ވެދާނެކަމަށް ފެނުން؛ ނުވަތަ
- އެހެން މީހެއްގެ، އެއީ މަރުވެފައިވާ މީހެއް ކަމުގައިވީނަމަވެސް، ޒާތީ މަޢުލޫމާތެއް ހާމަވުން.
(ރ) މި މާއްދާގެ ބޭނުމަށްޓަކައި "އޮތޯރިޓީގެ ނިންމުން" މި ޢިބާރާތުގެ މާނައިގެ ތެރޭގައި، އޮތޯރިޓީން އަޅާ ފިޔަވަޅުތަކާއި، އޮތޯރިޓީގެ އެންގުންތަކާއި، އޮތޯރިޓީން ކުރާ އަމުރުތަކާއި، އެހެން ފަރާތްތަކާ ހަވާލުކުރާ ބާރުތައް އެފަރާތްތަކުން ތަންފީޛުކުރާ ކުރުމުގައި ނިންމާ ނިންމުންވެސް ހިމެނެއެވެ.
(ބ) މި މާއްދާގެ ދަށުން އޮތޯރިޓީއަށް ށަކުވާ ހުށަހަޅާނެ ގޮތާއި، އެ ށަކުވާތަކަށް އޮތޯރިޓީން ޖަވާބުދިނުމުގައި ޢަމަލުކުރާނެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
27 ވަނަ މާއްދާ – މައްސަލަ އިސްތިޢުނާފްކުރުން
(ހ) މި ގާނޫނުގެ 26 ވަނަ މާއްދާގައިވާ ގޮތުގެމަތިން، އޮތޯރިޓީން މީހަކަށް ދޭ ލިޔުމުގައ ބަޔާންކުރާ ސަބަބުތައް އެ ލިޔުން ރައްދުވާ މީހާއަށް ގަބޫލުނުކުރެވޭނަމަ، އެ ލިޔުން އޭނާއަށް ލިބޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، އޮތޯރިޓީގެ ނިންމުން އަލުން މުރާޖަޢާކޮށްދިނުން އެދި މިނިސްޓަރަށް ހުށަހެޅިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި މިނިސްޓަރަށް ހުށަހެޅުމެއް ހުށަހަޅައިފިނަމަ، އެ ހުށަހެޅުން ހުށަހަޅާ ފަރާތުން އެ ހުށަހެޅުމުގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް، އޮތޯރިޓީގެ ނިންމުން މިނިސްޓަރު މުރާޖަޢާކުރަންވާނެއެވެ.
(ނ) މި މާއްދާގައިވާ ގޮތުން މިނިސްޓަރަށް ހުށަހެޅޭ މައްސަލަތައް ބަލަންވާނީ، މިނިސްޓަރު ނުވަތަ އޭނާ އެކަމަށް ޢައްޔަންކުރާ މީހަކު ނުވަތަ ކޮމިޓީއަކުންނެވެ. މި މާއްދާގެ ދަށުން މައްސަލައެއް މުރާޖަޢާކުރުމުގައި، މައްސަލަ ހުށަހެޅި ފަރާތް ނުވަތަ އެފަރާތުން ޢައްޔަންކުރާ ފަރާތަކުން ހާޒިރުވެ އެފަރާތުގެ ދިފާޢުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ދޭންވާނެއެވެ.
(ރ) މި މާއްދާގައިވާ ގޮތުން މިނިސްޓަރަށް ހުށަހެޅޭ މައްސަލަތައް، ގިނަވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ބަލައި ނިންމައި، އެ މައްސަލައާ ގުޅޭގޮތުން މިނިސްޓަރު ނިންމާ ނިންމުން، މައްސަލަ ހުށަހެޅި ފަރާތަށާއި އޮތޯރިޓީއަށް ލިޔުމުން އަންގަންވާނެއެވެ. އަދި މިނިސްޓަރު ނިންމާ ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ ނިންމުން ރިޕޯޓެއްގެ ސިފައިގައި ށާއިޢުކުރަންވާނެއެވެ.
(ބ) މި މާއްދާގެ ދަށުން މިނިސްޓަރަށް ހުށަހެޅޭ މައްސަލައެއް ނިންމުމުގައި، އެ މައްސަލައާ ގުޅޭގޮތުން އޮތޯރިޓީން ނިންމާފައިވާ ނިންމުން ބަދަލުކުރުމަށް ނުވަތަ ބާތިލުކުރުމަށް އެންގުމުގެ ނުވަތަ އެނޫންވެސް ފިޔަވަޅެއް އެޅުމަށް އޮތޯރިޓީއަށް އެންގުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.
(ޅ) މި މާއްދާގެ (ބ) އެހެން އޮތްނަމަވެސް، އޮތޯރިޓީން ވަކި ނިންމުމެއް ނިންމާފައިވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކަމުގައިވާނަމަ، އެ ނިންމުން ބަދަލުކުރުމަށް ނުވަތަ ބާތިލުކުރުމަށް އެންގުމުގެ ބާރު މިނިސްޓަރަށް ލިބިގެނެއްނުވެއެވެ.
28 ވަނަ މާއްދާ – ށާރީޢަތަށް މައްސަލަ ހުށަހެޅުން
(ހ) މި ގާނޫނުގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މިނިސްޓަރު ނިންމާ ނިންމުން އެ މައްސަލަ ހުށަހެޅި ފަރާތަށް ގަބޫލުނުކުރެވޭނަމަ، އެ ނިންމުން ނިންމާ ތާރީހުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެ މައްސަލަ ށަރީޢަތަށް ހުށަހެޅުމުގެ ހައްގު އެ ފަރާތަށް ލިބިގެންވެއެވެ.
ށ) މި މާއްދާގެ (ހ) ގެ ދަށުން ށަރީޢަތަށް މައްސަލަ ހުށަހެޅުމުގެ ހައްގު އެއްވެސް ފަރާތަކަށް ލިބިދެވޭނީ، މި ގާނޫނުގެ 26 ވަނަ މާއްދާއާއި 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ފުރިހަމަކުރުމަށްފަހުގައެވެ.
ދިހަވަނަ ބާބު
އެހެނިހެން
29 ވަނަ މާއްދާ - މަސްލަހަތު ފުށުއެރުން
(ހ) ޑިރެކްޓަރުންގެ ބޯޑުގެ އެއްވެސް މެންބަރެއްގެ އަމިއްލަ މަސްލަހަތެއް ނުވަތަ ފައިދާއެއް ނުވަތަ ދައުރެއް އޮތް ކަމެއް ނުވަތަ މައްސަލައެއް، އޮތޯރިޓީން ބަލާ ހިނދު، އެކަމެއް ނުވަތަ އެ މައްސަލައެއް ބެލުމުގައި ނުވަތަ ނިންމުމުގައި، އެއްވެސް މިންވަރަކަށް އެ މެންބަރަކު ބައިވެރިވެގެން ނުވާނެއެވެ. އަދި އޮތޯރިޓީން ބަލާ މައްސަލައަކީ، އެފަދަ މަސްލަހަތެއް ނުވަތަ ފައިދާއެއް ނުވަތަ ދައުރެއް އޮތް ކަމެއް ނުވަތަ މައްސަލައެއްކަން ކުރިން އެނގިފައި ނެތްނަމަވެސް އެކަން އެނގޭހިނދު، އެކަން ބޯޑުގެ ޗެއަރމަނަށް އެންގުމާއެކު، އެކަމެއް ނުވަތަ އެ މައްސަލައެއް ބެލުމަށް އަދި/ނުވަތަ އެ މައްސަލައަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް އެ މެންބަރަކު ތަނާޒުލުވާންވާނެއެވެ.
(ށ) ބޯޑުގެ އެއްވެސް މެންބަރަކު، މި ގާނޫނުގެ ދަށުން އެމީހެއްގެ ވާޖިބު އަދާކުރުމުގައި، ޓެލެކޮމިއުނިކޭށަނާއި ޕޯސްޓުގެ ދާއިރާ، އަދި ޓެލެކޮމިއުނިކޭށަންގެ ދާއިރާއާ ސީދާގުޅޭ ކަންކަމުގައި، އެ ނިސްބަތަށް އިންފޯކޮމިއުނިކޭށަންގެ ދާއިރާގައި މަސައްކަތްކުރާ ފަރާތެއްގެ މާލީ ނުވަތަ ސިނާޢީ ނުވަތަ ޒިރާޢީ ނުވަތަ ވިޔަފާރިއާއި ވިޔަފާރި ހިންގުމުގެ ދާއިރާގައި ހިމެނޭ ފަރާތެއްގެ، ނުވަތަ އެނޫންވެސް ފަރާތެއްގެ އިރުށާދު ލިބިގަނެ، ގަބޫލުކޮށްގެން ނުވާނެއެވެ.
(ނ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، އޮތޯރިޓީއަށް ނުވަތަ ޑިރެކްޓަރުންގެ ބޯޑަށް ލަފާދިނުމަށްޓަކައި ޢައްޔަންކުރެވޭ އެޑްވައިޒަރުންނާއި ކޮންސަލްޓަންޓުންނާއި އެކްސްޕަރޓުންނާ އޮތޯރިޓީން ނުވަތަ ބޯޑުން މަށްވަރާކޮށް އިރުށާދު ލިބިގަތުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
(ރ) ޑިރެކްޓަރުންގެ ބޯޑުގެ އެއްވެސް މެންބަރަކު، ނުވަތަ އޮތޯރިޓީގެ އެއްވެސް މުވައްޒަފަކު، މި ގާނޫނުގެ ދަށުން އޭނާގެ ވާޖިބު އަދާކުރުމުގައި ވަކި ފަރާތަކަށް ބުރަވެވިދާނެފަދަ ގޮތެއްގައި، އެއްވެސް ބާވަތެއްގެ ހަދިޔާއެއް، ނުވަތަ މަންފާއެއް ލިބޭފަދަ ކަމެއް، އޭނާގެ އަމިއްލަ ނަމުގައި، ނުވަތަ އޭނާ ކައިވެނިކޮށްގެންއުޅޭ މީހެއްގެ ނަމުގައި، ނުވަތަ އޭނާގެ ދަރިއެއްގެ ނަމުގައި، ނުވަތަ ވިޔަފާރީގެ ގޮތުން، ނުވަތަ މާލީ ގޮތުން އެމީހަކާ ގުޅުމެއް އޮތް މީހެއްގެ ނަމުގައި، ނުވަތަ އެފަދަ މީހެއްގެ ދަރިއެއްގެ ނަމުގައި، ގަބޫލުކޮށްގެން ނުވާނެއެވެ.
30 ވަނަ މާއްދާ- ސިއްރު ހިފެހެއްޓުން
(ހ) ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއްގެ ހައިސިއްޔަތުން މެންބަރުންނަށް ލިބޭ މަޢުލޫމާތަކީ ސިއްރުގެ ގޮތުގައި ހިފަހައްޓަންޖެހޭ މަޢުލޫމާތެވެ. އެފަދަ މަޢުލޫމާތެއް، ގާނޫނު ހުއްދަކުރާ ގޮތުގެމަތިން ހާމަކުރަންޖެހޭ ފަރާތަކަށް ހާމަކުރާ ކުރުން ފިޔަވައި އެއްވެސް ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ.
(ށ) އޮތޯރިޓީގެ މުވައްޒަފެއްގެ ހައިސިއްޔަތުން އެ މުވައްޒަފުންނަށް ލިބޭ މަޢުލޫމާތަކީ ސިއްރުގެ ގޮތުގައި ހިފަހައްޓަންޖެހޭ މަޢުލޫމާތެވެ. އެފަދަ މަޢުލޫމާތެއް، ގާނޫނު ހުއްދަކުރާ ގޮތުގެމަތިން ހާމަކުރަންޖެހޭ ފަރާތަކަށް ހާމަކުރާ ކުރުން ފިޔަވައި އެއްވެސް ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ.
31 ވަނަ މާއްދާ – އޮތޯރިޓީގެ ސިއްކަ
އޮތޯރިޓީގެ ރަސްމީ ސިއްކައެއް އޮންނަންވާނެއެވެ. ލިޔުމުން އޮތުން ގާނޫނުން ލާޒިމުކުރާ އެއްބަސްވުމެއްގައި އޮތޯރިޓީން ސޮއިކުރާ ހާލަތުގައި، އެ އެއްބަސްވުމެއްގައި ސިއްކަ އޮންނަން ޖެހޭކަމަށް ގާނޫނު ބަޔާންކުރާނަމަ އެ ލިޔުމެއްގައި އޮތޯރިޓީގެ ސިއްކަ ޖަހަންވާނެއެވެ. އޮތޯރިޓީގެ ސިއްކަ ޖަހާ ކޮންމެ ލިޔުމެއްގައި އެކަމަށްޓަކައި އޮތޯރިޓީން ހުއްދަދީފައިވާ އޮތޯރިޓީގެ ބޯޑުގެ މެންބަރަކު ނުވަތަ މެންބަރުން ސޮއިކުރަންވާނެއެވެ.
32 ވަނަ މާއްދާ – މާލީ ކަންކަން
(ހ) އޮތޯރިޓީގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ފައިސާ، ކޮންމެ އަހަރަކުވެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓެއްގެ ދަށުން ދައުލަތުގެ މާލިއްޔާއިން އެ އޮތޯރިޓީއަށް ދޫކުރަންވާނެއެވެ. އެގޮތުން، މިނިސްޓްރީގެ ލަފާގެމަތިން، އޮތޯރިޓީގެ ބޯޑުން އޮތޯރިޓީގެ ބަޖެޓް އެކުލަވާލައި، އޮތޯރިޓީގެ ބޯޑުން ފާސްކޮށް، ދައުލަތުގެ ބަޖެޓުގައި ހިމެނުމަށްޓަކައި ގާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ފޮނުވަންވާނެއެވެ.
(ށ) އޮތޯރިޓީގެ އެންމެހައި ހިސާބުތަކާއި އެންމެހައި ލިޔެކިޔުންތައް ބަލަހައްޓަންވާނީ ގާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
33 ވަނަ މާއްދާ – ހިދުމަތުގެ ފީ
އޮތޯރިޓީން ފޯރުކޮށްދޭ ހިދުމަތްތަކަށް ހިދުމަތުގެ ފީއެއް ނެގުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ. އެގޮތުން ދެވޭ ހިދުމަތަށް ފީ ނެގޭނެ މިންވަރާއި އުސޫލު، މި ގާނޫނުގެ ދަށުން އޮތޯރިޓީން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
34 ވަނަ މާއްދާ – ގަވާއިދު ހެދުން
(ހ) މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި ހިންގާނީ އޮތޯރިޓީންނެވެ.
(ށ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް ޢަމަލުކުރަން ފަށާތާ 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި ހަދައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިޢުކުރަންވާނެއެވެ.
35 ވަނަ މާއްދާ – ގާނޫނަށް ޢަމަލުކުރަން ފެށުން
މި ގާނޫނަށް ޢަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިޢުކުރާ ތާރީހުން ފެށިގެން 3 (ތިނެއް) މަސް ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.
36 ވަނަ މާއްދާ - މާނަކުރުން
މި ގާނޫނުގައި އިބާރާތެއް ނުވަތަ ލަފްޒެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާ ހިނދަކު، އަންނަނިވި ޢިބާރާތްތަކާއި ލަފްޒުތަކަށް ދީފައިވަނީ، އެ ޢިބާރާތްތަކާއި ލަފްޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.
(ހ)"އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 2 ވަނަ މާއްދާގެ ދަށުން އުފައްދާ "ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސް" އަށެވެ.
(ށ)"މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، މުއާސަލާތީ ހިދުމަތްތަކާބެހޭ ސިޔާސަތުތައް އެކަށައަޅައި، މުއާސަލާތީ ހިދުމަތްތަކާބެހޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ރައީސުލްޖުމްހޫރިއްޔާ ހަވާލުކޮށްފައިވާ މިނިސްޓަރަށެވެ.
(ނ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، މުއާސަލާތީ ހިދުމަތްތަކާބެހޭ ސިޔާސަތުތައް އެކަށައަޅައި، މުއާސަލާތީ ހިދުމަތްތަކާބެހޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
(ރ) "ސްޕެކްޓްރަމް" ކަމަށް ބުނެފައި އެވަނީ، މުއާސަލާތުތައް ގާއިމުކުރުމަށް ބޭނުންކުރާ އެންމެހައި ރޭޑިއޯ ކޮމިއުނިކޭށަން ފްރީކުއެންސީތަކަށެވެ.
(ބ) "ޓެލެކޮމިއުނިކޭށަން ނަންބަރިންގ ޕްލޭން" ކަމަށް ބުނެފައި އެވަނީ، ޓެލެކޮމިއުނިކޭށަންގެ ހިދުމަތްތަކަށް ބޭނުންކުރާ ނަންބަރުތައް ބަހާލެވިފައިވާ ގޮތާއި ނަންބަރުތައް ބޭނުންކުރާނެ އުސޫލުތަކަށެވެ.
(ޅ) "ޓެލެކޮމިއުނިކޭށަން" ކަމަށް ބުނެފައި އެވަނީ، ވަޔަރު، ނުވަތަ ރޭޑިއޯ، ނުވަތަ އޮޕްޓިކަލް، ނުވަތަ އެހެނިހެން އިލެކްޓްރޯމެގްނެޓިކް ނިޒާމުތަކެއް މެދުވެރިކޮށް، އެއްވެސް ބާވަތެއްގެ އިށާރާތެއް، ސިގްނަލެއް، ލިޔުމެއް، ފޮޓޯއެއް، އަޑެއް ނުވަތަ އެއްވެސް ބާވަތެއްގެ އިންޓެލިޖަންސެއް ބޭނުންކޮށްގެން ބަދަލުކުރުމާއި، ފޮނުވުމާއި ލިބިގަތުމަށެވެ.
(ކ) "އިންފޯކޮމިއުނިކޭށަން" ކަމަށް ބުނެފައި އެވަނީ، އިންފޮމޭށަން ޓެކްނޮލޮޖީއާއި ޓެލެކޮމިއުނިކޭށަންގެ ވަސީލަތްތައް ބޭނުންކޮށްގެން ހިދުމަތްތައް ފޯރުވައިދެވޭ ތަފާތު ޓެކްނޮލޮޖީތަކަށާއި ހިދުމަތްތަކަށެވެ.
(އ) "ޕޯސްޓު" ކަމަށް ބުނެފައި އެވަނީ، އެއް ތަނުން އަނެއް ތަނަށް ފޮނުވޭ ސިޓީ، ޕޯސްޓް ކާޑު، ޕާރުސަލް އަދި އެނޫންވެސް އެފަދަ ތަކެތި ފޮނުވުމަށް ބޭނުންކުރާ އަސާސީ ޕޯސްޓާއި އެނޫންވެސް ކޫރިއަރގެ ހިދުމަތްތަކަށެވެ.
(ވ) "ސިވިލް ސަރވިސްގެ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ގާނޫނު) އާއި، އެ ގާނޫނަށް ގެނެވޭ އިސްލާހުތައް ހިމެނޭ ގޮތުންނެވެ.
(މ) "ސިވިލް ސަރވިސް ކޮމިށަން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ގާނޫނު) ގައި ބަޔާންކުރާ ކޮމިށަނަށެވެ.
(ފ) "ޓެލެކޮމިއުނިކޭށަންގެ ސިނާޢަތު" ކަމަށް ބުނެފައި އެވަނީ، ޓެލެކޮމިއުނިކޭށަންގެ ހިދުމަތް ފޯރުކޮށްދިނުމުގައި އަންނަނިވި ކަންކަން ށާމިލުވާ ސިނާޢަތުތަކަށެވެ.
- ކެރިއަރެއްގެ ގޮތުގައި ހިދުމަތް ފޯރުކޮށްދިނުން؛
- ހިދުމަތް ފޯރުކޮށްދޭ ފަރާތެއްގެ ގޮތުން ހިދުމަތް ދިނުން؛
- ޓެލެކޮމިއުނިކޭށަންގެ ހިދުމަތާ ގުޅިގެން މުދަލެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުން؛
- ހިދުމަތް ލިބިގަންނަ ފަރާތަށް ބޭނުންވާނެ އިކުއިޕްމަންޓް ނުވަތަ އެހެނިހެން ޓެލެކޮމިއުނިކޭށަން އިކުއިޕްމަންޓް އިމްޕޯޓުކުރުން ނުވަތަ ތައްޔާރުކުރުން؛
- ޓެލެކޮމިއުނިކޭށަން ނެޓްވަރކް ނުވަތަ ޓެލެކޮމިއުނިކޭށަން އިކުއިޕްމަންޓުތައް ގާއިމުކުރުމާއި، މަރާމާތުކުރުމާއި، ޓެލެކޮމިއުނިކޭށަންގެ ހިދުމަތަކަށް ގުޅުން ގާއިމުކުރުމާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްކުރުން.
- ކެރިއަރެއްގެ ގޮތުގައި ހިދުމަތް ފޯރުކޮށްދިނުން.
(ދ) "އިންޓަރނޭށަނަލް ޓެލެކޮމިއުނިކޭށަންސް ޔޫނިއަން" ކަމަށް ބުނެފައި އެވަނީ، އިންފޮމޭށަން އަދި ކޮމިއުނިކޭށަން ޓެކްނޮލޮޖީގެ ކަންކަމާ ގުޅޭގޮތުން މަސައްކަތްކުރާ އ.ދ. ގެ އިދާރާއަށެވެ.
ކިޔުންތެރިންގެ ހިޔާލު