-

ޓެލެކޮމިއުނިކޭށަންގެ ގާނޫނު

(ގާނޫނު ނަންބަރު 2015-43)

 

އެއްވަނަ ބައި

އިބްތިދާއީ މާއްދާތައް

 

1 ވަަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގައި ޓެލެކޮމިއުނިކޭށަނާ ގުޅުންހުރި އެންމެހައި ކަންކަން ރާވައި ހިންގާނެ ގޮތްތަކާއި، އުސޫލުތަކާއި، ޓެލެކޮމިއުނިކޭށަންގެ ހިދުމަތްދޭ ފަރާތްތަކަށް ލައިސަންސް ދޫކޮށް، އެފަރާތްތަކާބެހޭ އެންމެހައި ކަންކަމާއި، އެނޫންވެސް ކަމާގުޅޭ އެންމެހައި އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ، "ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭށަންގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - ގާނޫނުގެ މަގްސަދު

މި ގާނޫނުގެ މައިގަނޑު މަގްސަދުތައް، ތިރީގައި އެވަނީއެވެ.

(ހ) ޓެލެކޮމިއުނިކޭށަނާ ގުޅޭ ކަންކަމުގައި ދިވެހިރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރުމާއި، އަންނަނިވި ކަންކަން ކޮށްގެން، ޓެލެކޮމިއުނިކޭށަންގެ ހިދުމަތް ދިނުމަށް މަގުފަހިވާފަދަ ވެއްޓެއް އުފެއްދުން:

  1. ޓެލެކޮމިއުނިކޭށަންގެ ހިދުމަތްތަކަކީ ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ މީހުންނަށް ފޯރުކޮށްދެވޭ ހިދުމަތްތަކެއް ކަމުގައި ހެދުމާއި، އިގްތިސާދީ ގޮތުން އެކަށީގެންވާ އަގެއްގައި، ހަރުދަނާ އަދި އިތުބާރުހުރި ގޮތަކަށް ދިވެހިރާއްޖޭގެ އިގްތިސާދީ އަދި އިޖުތިމާޢީ ބޭނުންތަކަށް ފުދޭ ގޮތެއްގެމަތިން، ރަނގަޅު ފެންވަރެއްގައި ދެވޭ ހިދުމަތްތަކަކަށް ހެދުން؛ އަދި
  2. ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭށަންގެ ސިނާޢަތު ކުރިއަރުވައި، ފުޅާކޮށް، ތަރައްގީކުރުމާއި، މިކަންކަމަށް މަގުފަހިވާފަދަ ކަންކަމަށް ހިތްވަރުދީ، ދިވެހިރާއްޖޭގައި ފޯރުކޮށްދެވޭ ޓެލެކޮމިއުނިކޭށަންގެ ހިދުމަތްތަކަކީ ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދެވޭ، ބައިނަލްއަގްވާމީ ގޮތުން އަޅާކިޔޭ އަދި މުޖުތަމަޢުގެ ބޭނުންތައް ފުއްދައިދެވޭ ފެންވަރުގެ ހިދުމަތްތަކަކަށް ހެދުން.

(ށ) ޓެލެކޮމިއުނިކޭށަންގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ވާދަވެރި ވެއްޓެއް ގާއިމުކޮށް، ކުރިއެރުވުން؛

(ނ) ޓެލެކޮމިއުނިކޭށަންގެ ސިނާޢަތުގެ ގައުމީ ސިޔާސަތުގެ މަގްސަދުތައް ހާސިލުކުރުން؛

(ރ) މި ގާނޫނުގެ  މަގްސަދުތައް ހާސިލުކުރުމަށްޓަކައި، ޓެލެކޮމިއުނިކޭށަންގެ ހިދުމަތްދޭ ފަރާތްތަކަށް ލައިސަންސް ދޫކޮށް، ޓެލެކޮމިއުނިކޭށަންގެ ސިނާޢަތުގެ އެންމެހައި ކަންކަން ރާވައި ހިންގާނެ އޮނިގަނޑެއް އެކުލަވާލުން؛ އަދި

(ބ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ޓެލެކޮމިއުނިކޭށަންގެ ގައުމީ ސިޔާސަތުގެ  މަގްސަދުތައް ހާސިލުކުރުމަށާއި، ޓެލެކޮމިއުނިކޭށަންގެ ސިނާޢަތުގެ  އެންމެހައި ކަންކަން ރާވައި، ހިންގުމުގެ ބާރު، "ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސް" އަށް ލިބިދިނުން.

 

ދެވަނަ ބައި

ލައިސަންސް ދޫކުރުން

 

3 ވަނަ މާއްދާލައިސަންސް ބޭނުންވާ ކަންކަން

(ހ) އެއްވެސް މީހަކު، މި ގާނޫނުގެ ދަށުން ދޫކުރާ ސައްހަ ލައިސަންސެއް ނުވަތަ ވަގުތީ ހުއްދައެއް ނުވަތަ ހާއްސަ އިސްތިސްނާއެއް ލިބިގެން މެނުވީ، ތިރީގައި ބަޔާންކޮށްފައިވާ ކަންކަމުން ކުރެ ކަމެއް ކޮށްގެންނުވާނެއެވެ.

  1. ނެޓްވަރކްގެ އެއްވެސް ވަސީލަތެއް، މިލްކުވެރިކަމުގައި ބެހެއްޓުން، ހިންގުން، ނުވަތަ ބޭނުންކުރުން؛
  2. ޓެލެކޮމިއުނިކޭށަންގެ ހިދުމަތެއް ފޯރުކޮށްދިނުން؛
  3. ރޭޑިއޯ ކޮމިއުނިކޭށަންގެ އިކުއިޕްމަންޓް، އަތުގައި ބެހެއްޓުން ނުވަތަ ބޭނުންކުރުން؛ ނުވަތަ
  4. އެއްވެސް ބާވަތެއްގެ ޓެލެކޮމިއުނިކޭށަންގެ ނުވަތަ ރޭޑިއޯ ކޮމިއުނިކޭށަންގެ އިކުއިޕްމަންޓެއްގެ ވިޔަފާރިކުރުމަށް ހުށަހެޅުން، ވިއްކުން، ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުން، ރާއްޖެއަށް އިމްޕޯޓުކުރުން، ނުވަތަ ރާއްޖެއިން އެކްސްޕޯޓުކުރުން.

(ށ) މި މާއްދާގެ (ހ) އާ ހިލާފުވެއްޖެނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، އެމީހަކު 5,000,000 (ފަސް މިލިއަން) ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު، އޮތޯރިޓީއަށް ލިބިގެންވެއެވެ. އަދި އެ މާއްދާއާ ހިލާފުވެ ހިނގާ ކޮންމެ ދުވަހަކަށް ނުވަތަ ދުވަހުގެ ބަޔަކަށް 100,000 (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު، އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

4 ވަނަ މާއްދާ – ލައިސަންސާއި ހުއްދަ ދޫކުރުން

(ހ) މި ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގައިވާ ކަންކަން ކުރުމަށް ލައިސަންސް ނުވަތަ ވަގުތީ ހުއްދަ ދޫކުރާނީ، ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އޮތޯރިޓީންނެވެ.

(ށ)  މި މާއްދާގެ (ހ) ގައިވާ ލައިސަންސާއި ހުއްދަ ދޫކުރުމުގެ އުސޫލުތަކާއި ދޫކުރެވިދާނެއެވެ.

 

5 ވަނަ މާއްދާ – ލައިސަންސްގެ ބާވަތްތައް

(ހ) އިންޑިވިޖުއަލް ލައިސަންސް:

  1. ކެރިއަރ ލައިސަންސް؛
  2. ސަރވިސް ޕްރޮވައިޑަރ ލައިސަންސް.

(ށ) ކްލާސް ލައިސަންސް.

 

6 ވަނަ މާއްދާ - ލައިސަންސްގެ ށަރުތުތައް

(ހ) ލައިސަންސްގައި ހިމެނޭ ށަރުތުތަކުގެ ޢާންމު ތަބީޢަތަށް އުނިކަމެއް ނާންނާނެ ގޮތުގެމަތިން، އަންނަނިވި ކަންކަމާގުޅޭ ށަރުތުތަކެއް އޮތޯރިޓީން ކަނޑައެޅިދާނެއެވެ.

  1. ހިދުމަތް ފޯރުކޮށްދެވޭ ގޮތް؛
  2. ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ފޯރުކޮށްދެވޭ ހިދުމަތްތަކުގެ އެންމެ ދަށް ފެންވަރު ކަށަވަރުކޮށްދޭ މިންގަނޑު؛
  3. އިންޓަރކަނެކްށަން؛
  4. ފެސިލިޓީތައް ހިއްސާކުރުން؛
  5.  އިންޓަރފިއަރަންސާއި ހުރަސްތައް ކޮންޓްރޯލްކުރުން؛
  6. ތިމާވެށި ހިމާޔަތްކުރުމުގެ މަސްއޫލިއްޔަތުތައް އަދާކުރުމާއި ފަންނީ މިންގަނޑުތަކަށް ތަބާވުން؛
  7. ބައިނަލްއަގްވާމީ މަސްއޫލިއްޔަތުތައް އަދާކުރުމާއި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި، އޮތޯރިޓީން ކަނޑައަޅާ ސުލޫކީ މިންގަނޑުތަކާއި، އެންގުންތަކާއި، ގައިޑްލައިންތަކަށް ތަބާވުން؛
  8. ޔުނިވަރސަލް ސަރވިސްގެ ޒިންމާ؛
  9. ވަސީލަތްތައް ބަލައި، ފާސްކޮށް، ޓެސްޓްކުރުން؛
  10. ފައިސާއާއި ހިސާބު ބެލެހެއްޓުމުގައި ގެންގުޅޭ ޢަމަލީ އުސޫލުތައް؛
  11. އޮތޯރިޓީއަށް މަޢުލޫމާތު ފޯރުކޮށްދިނުން؛
  12. (ހިދުމަތުގެ އަގުތަކާއި އަގު ކޮންޓްރޯލްކުރުން؛
  13. ނެޓްވަރކް ވިލަރެސްކުރުން؛
  14. ހިދުމަތް ލިބިގަންނަ ފަރާތުގެ މަޢުލޫމާތު ސިއްރުކުރުން؛
  15. ޓެލެކޮމިއުނިކޭށަންގެ ހިދުމަތްތަކާއި އުފެއްދުންތައް އެއްކުރުން؛
  16. ވިޔަފާރީގެ ވާދަވެރިކަމަށް ހުރަސްއަޅާ ޢަމަލުތަކާއި ވިޔަފާރީގައި ހިންގޭ ބޭއިންސާފު މުޢާމަލާތްތައް ހުއްޓުވައި މަނާކުރުން؛
  17. ޓެލެކޮމިއުނިކޭށަންގެ ވިޔަފާރީގައި ނުފޫޒުގަދަ މަގާމެއްގައި ހުރި ލައިސަންސް ލިބިފައިވާ ފަރާތުގެ ޢަމަލުތައް ތަންޒީމުކުރުން؛
  18. ލައިސަންސް އެހެން ފަރާތަކަށް ބަދަލުކުރުން ހުއްޓުވުން؛
  19. ބައިނަލްއަގްވާމީ މުޢާހަދާތަކަށް ތަބާވުން؛
  20. ކެޕިޓަލައިޒޭށަނަށާއި ނެޓްވަރކް ރޯލްއައުޓަށް ބޭނުންވާ ކަންކަން؛ އަދި
  21. (ޕަރފޯމަންސް ބޮންޑާބެހޭ ކަންކަން.

 

7 ވަނަ މާއްދާ – ލައިސަންސްގެ ށަރުތުތަކަށް އުނިއިތުރު ގެނައުން

ލައިސަންސްގައި ހިމެނިފައ ިވާ ށަރުތަކަށް އުނިއިތުރު ގެނެސް ނުވަތަ ބާތިލުކުރުމުގެ އިހްތިޔާރު، އޮތޯރިޓީއަށް ލިބިގެންވެއެވެ. މިގޮތުން ލައިސަންސްތަކުގައި ކަނޑައެޅޭ ށަރުތުތަކަށް އުނިއިތުރު ގެނެސް ނުވަތަ ބާތިލުކުރަންވާނީ ލައިސަންސްގެ ޢާންމު ތަބީޢަތަށް އުނިކަމެއް ނާންނާނެ ގޮތުގެމަތިންނެވެ.

 

8 ވަނަ މާއްދާ - އެކްސްކްލޫސިވް ލައިސަންސް

(ހ) ޓެލެކޮމިއުނިކޭށަންގެ އެއްވެސް ހިދުމަތެއް ދިނުމަށް ނުވަތަ ނެޓްވަރކް ފެސިލިޓީއެއް ގާއިމުކުރުމަށް އެކްސްކްލޫސިވް ލައިސަންސެއް ދިނުމަށް ކަނޑައެޅޭނީ، އެކަމަކީ ޓެލެކޮމިއުނިކޭށަންގެ ދާއިރާގެ ވާދަވެރިކަމަށް ނޭދެވޭ އަސަރެއް ނުކުރާނެ ކަމެއް ކަމަށްވެފައި އަދި އެކަމަކީ ގައުމީ މަސްލަހަތަށް ބޭނުންތެރި ކަމެއް ކަމަށްވާނަމަ، ވަޒީރުންގެ މަޖިލީހުގެ މަށްވަރާގެމަތިން، ރައީސުލްޖުމްހޫރިއްޔާއަށެވެ.

(ށ) ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ލިޔުމަކުން ހޯދުމަށްފަހު، އެއިރެއްގެ ހާލަތަށް ރިޢާޔަތްކޮށް، އެކްސްކްލޫސިވް ލައިސަންސްގެ ށަރުތުތަކަށް އުނިއިތުރު ގެނެސް، ބަދަލުކޮށް، އުވާލައި، ނުވަތަ އިތުރު ށަރުތުތައް ހިމެނުމުގެ އިހްތިޔާރު، އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

9 ވަނަ މާއްދާ – އިންޑިވިޖުއަލް ލައިސަންސް ހިފެހެއްޓުން ނުވަތަ ބާތިލްކުރުން

(ހ) އަންނަނިވި ހާލަތްތަކުންކުރެ ހާލަތެއް މެދުވެރިވާ ހިނދު، ލައިސަންސް ލިބިފައިވާ ފަރާތަށް އޮތޯރިޓީން ލިޔުމަކުން ނޯޓިސް ދިނުމަށްފަހު، އިންޑިވިޖުއަލް ލައިސަންސެއް ހިފަހައްޓައި ނުވަތަ ބާތިލު ކުރެވިދާނެއެވެ.

  1.  އިންޑިވިޖުއަލް ލައިސަންސް ލިބޭ ފަރާތުން ދައްކަންޖެހޭ ފައިސާއެއް ނުދެއްކުން؛
  2. ލައިސަންސް ލިބިފައިވާ ފަރާތުން، އިންޑިވިޖުއަލް ލައިސަންސެއްގައި ކަނޑައަޅާފައިވާ ށަރުތަކާ ހިލާފުވުން؛
  3. ލައިސަންސް ލިބިފައިވާ ފަރާތުން، މި ގާނޫނާ، ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދަކާ، ނުވަތަ އެހެން ގާނޫނަކާ ހިލާފުވުން؛ ނުވަތަ
  4. އޮތޯރިޓީން ނުވަތަ މިނިސްޓަރު އަންގާ އެންގުމަކާ އެއްގޮތްވާ ގޮތުގެމަތިން، ލައިސަންސް ލިބިފައިވާ ފަރާތުން ޢަމަލުނުކުރުން.

(ށ) އޮތޯރިޓީން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، ލައިސަންސް ލިބިފައިވާ ފަރާތަށް ދޫކޮށްފައިވާ ލައިސަންސް ހިފެހެއްޓިކަން ނުވަތަ ބާތިލުކުރިކަން އެފަރާތަށް އަންގައި ފޮނުވާ ނޯޓިހަށް ޢަމަލުކުރަން ފެށޭނީ، އެ ނޯޓިސް ފޮނުވޭ ތާރީހުގެ 14 (ސާދަ) ދުވަސް ފަހުންނެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ހިފެހެއްޓޭ ނުވަތަ ބާތިލުކުރެވޭ އިންޑިވިޖުއަލް ލައިސަންސެއް ހިފެހެއްޓުމުގައި ނުވަތަ ބާތިލުކުރުމުގައި، އެ ލައިސަންސްގެ ބައިތަކުގެ ތެރެއިން، ނުހިފެހެއްޓޭ ނުވަތަ ބާތިލުނުކުރެވޭ ބަޔަށް އުނިކަން ނާންނާނެ ފަދައިން، އެ ލައިސަންސްގެ ވަކި ބައެއް ހިފެހެއްޓުމުގެ ނުވަތަ ބާތިލުކުރުމުގެ އިހްތިޔާރު، އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ށ) ގެ ދަށުން ހިފެހެއްޓިފައިވާ ނުވަތަ ބާތިލު ކުރެވިފައިވާ ލައިސަންސްތަކަށް ދައްކާފައިވާ ފީއާއި އެހެނިހެން ފައިސާ، އެ ފީ ނުވަތަ ފައިސާ ދެއްކި ފަރާތަށް އަނބުރައެއް ނުލިބޭނެއެވެ.

(ބ) އޮތޯރިޓީން ވަކިގޮތަކަށް ކަނޑަނާޅާހާ ހިނދަކު، މި މާއްދާގެ (ށ) ގެ ދަށުން އިންޑިވިޖުއަލް ލައިސަންސެއް ހިފެހެއްޓޭ ހިނދު، ނުވަތަ ބާތިލުކުރެވޭ ހިނދު، ނުވަތަ އިންޑިވިޖުއަލް ލައިސަންސްގެ މުއްދަތު ހަމަވުމުން، މި ގާނޫނުގެ 4 ވަނަ މާއްދާގެ (ހ) އާއި (ށ) ގައިވާ ކަންކަމުގެ ތެރެއިން، އެ ލައިސަންސުން ހުއްދަ ކުރެވިފައިވާ ހަރަކާތްތައް ހިންގުން، ވަގުތުން ހުއްޓާލަންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) އާ ހިލާފުވެއްޖެނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، އެމީހަކު 1,000,000 (އެއް މިލިއަން) ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު، އޮތޯރިޓީއަށް ލިބިގެންވެއެވެ. އަދި އެ މާއްދާއާ ހިލާފުވެ ހިނގާ ކޮންމެ ދުވަހަކަށް ނުވަތަ ދުވަހުގެ ބަޔަކަށް 20,000 (ވިހިހާސް) ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު، އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ކ) މި މާއްދާއަށް އުނިކަމެއް ނާންނާނެހެން، އިންޑިވިޖުއަލް ލައިސަންސެއް ލިބިފައިވާ ފަރާތެއްގެ ލައިސަންސް، އޮތޯރިޓީން ހިފަހައްޓަންވާނީ ނުވަތަ ބާތިލުކުރަންވާނީ، އިސްލާހުކުރުމުގެ ގޮތުން މި ގާނޫނުގެ ދަށުން އެޅެންހުރި އެންމެހައި ފިޔަވަޅުތައް އެޅުމުންވެސް އިސްލާހުކޮށްފައިނުވާނަމަ، ނުވަތަ އެ ފިޔަވަޅުތަކަކީ އެކަށީގެންވާ ފިޔަވަޅުތަކަކަށް ނުވާ ހާލަތްތަކުގައެވެ.

 

10 ވަނަ މައްދާ – އިންޑިވިޖުއަލް ލައިސަންސް އަނބުރާ އޮތޯރިޓީއާ ހަވާލުކުރުން

(ހ) ލައިސަންސްގައި ބަޔާންކުރެވިފައިވާ ށަރުތުތަކާ އެއްގޮތްވާ ގޮތުގެމަތިން، ނުވަތަ އެފަދަ ށަރުތުތަކެއް ކަނޑައަޅާފައިނުވާނަމަ ކޮންމެ ވަގުތެއްގައިމެ، ލައިސަންސް ލިބިފައިވާ ފަރާތުން، އޮތޯރިޓީއަށް ލިޔުމަކުން އެންގުމަށްފަހު، އިންޑިވިޖުއަލް ލައިސަންސެއް އަނބުރާ އޮތޯރިޓީއާ ހަވާލުކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ލައިސަންސް އަނބުރާ އޮތޯރިޓީއާ ހަވާލުކުރެވުނު ކަމަށް ބެލެވޭނީ، އޮތޯރިޓީއަށް ލައިސަންސް އަނބުރާ ހަވާލުކުރި ކަމަށް ބަޔާންކުރާ ލިޔުން އޮތޯރިޓީއަށް ފޮނުވާ ތާރީހުގައި ނުވަތަ އެ ލިޔުމުގައި ފަހުގެ ތާރީހެއް ބަޔާންކޮށްފައިވާނަމަ، އެ ތާރީހުން ފެށިގެންނެވެ.

 

11 ވަނަ މާއްދާ - ކްލާސް ލައިސަންސް

ކްލާސް ލައިސަންސެއްގައި ހިމެނޭ ށަރުތުތަކާއި އެއަށް ގެނެވޭ އުނިއިތުރުތަކާއި، ކްލާސް ލައިސަންސް އުފައްދައި، ކްލާސް ލައިސަންސް ދޫކުރުމާ ބެހޭގޮތުން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އަންނަނިވި ކަންކަން ކަނޑައެޅުމަށްފަހު، އޮތޯރިޓީން ކްލާސް ލައިސަންސް ދޫކުރެވިދާނެއެވެ. އެކަންކަން ކަނޑައަޅައި އޮތޯރިޓީން ކްލާސް ލައިސަންސް ދޫކުރަންވާނީ އެ ލައިސަންސް ދޫކުރެވޭ ކަމަކީ ، އެކްސްކްލޫސިވް ލައިސަންސެއްގެ ދަށުން ޢަމަލުކުރަންޖެހޭ، ނުވަތަ އިންޑިވިޖުއަލް ލައިސަންސެއް ބޭނުންވާ ކަމަކަށް ނުވާނަމައެވެ.

(ހ) ކްލާސް ލައިސަންސްގެ ށަރުތު ފުރިހަމަވެފައިވާ މީހުން ލައިސަންސްގެ ދަށުން ފޯރުކޮށްދެވިދާނެ ޓެލެކޮމިއުނިކޭށަންގެ ހިދުމަތްތައް ނުވަތަ ބޭނުންކުރެވިދާނެ ޓެލެކޮމިއުނިކޭށަންގެ އިކުއިޕްމަންޓް؛

(ށ) ކްލާސް ލައިސަންސްގެ ށަރުތުތައް؛ އަދި

(ނ) ކްލާސް ލައިސަންސެއްގެ ދަށުން ލައިސަންސެއް ލިބިގަތުމުގެ ށަރުތު ފުރިހަމަވުމަށްޓަކައި، މީހެއްގައި ފުރިހަމަވާންޖެހޭ ށަރުތުތައް.

 

12 ވަނަ މާއްދާ – ކްލާސް ލައިސަންސާބެހޭ ކަންކަން އާންމުކޮށް އެންގުން

ކްލާސް ލައިސަންސް އުފެއްދުމާއި އަދި އެ ލައިސަންސްގެ ށަރުތުތަކާބެހޭ މަޢުލޫމާތު އަދި ށަރުތުތަކަށް ގެނެވޭ ބަދަލުތައް، ޢާންމުންނަށް ލިބެން ހުންނާނެ ގޮތަކަށް އިންތިޒާމުކޮށް، ޢާންމުކޮށް ށާއިޢުކުރަންވާނެއެވެ.

 

13 ވަނަ މާއްދާލައިސަންސް ރަޖިސްޓަރީކުރުން

ލައިސަންސް ދޫކުރެވޭ ފަރާތްތަކާއި، ލައިސަންސްތަކާއި، އޭގެ ށަރުތުތައް ހިމެނޭ ރަޖިސްޓަރީއެއް އޮތޯރިޓީން ބަލަހައްޓަންވާނެއެވެ.

 

ތިންވަނަ ބައި

ޓެލެކޮމިއުނިކޭށަން ކޮންޓްރޯލްކުރުން

 

އެއްވަނަ ބާބު

އަގު ކަނޑައެޅުމާއި ހިސާބު ބެލެހެއްޓުން

 

14 ވަނަ މާއްދާ - ހިދުމަތުގެ އަގު

(ހ) މި ގާނޫނާއި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި، އޮތޯރިޓީގެ ގަރާރުތަކާއި، ލައިސަންސްގެ ށަރުތުތަކާ އެއްގޮތްވާ ގޮތުގެމަތިން ލައިސަންސް ލިބިފައިވާ ފަރާތުން އެފަރާތުގެ ހިދުމަތުގެ އަގު ޢާންމުކޮށް ށާއިޢުކުރަންވާނެއެވެ.

(ށ) ލައިސަންސް ލިބިފައިވާ ފަރާތުން، އެފަރާތުން ފޯރުކޮށްދޭ ހިދުމަތްތަކާއި އެ ހިދުމަތްތަކުގެ އަގުތައް ބަޔާންކުރުމަށް ށާއިޢުކުރާ ލިޔުމުގައި، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1.  އެފަރާތުން ފޯރުކޮށްދޭ ހިދުމަތާބެހޭ ތަފްސީލު؛
  2. ހިދުމަތުގެ ވަކިވަކި އަގުތައް؛
  3. ހިދުމަތާ ގުޅިގެން ދެވޭ އެހެނިހެން ހިދުމަތްތަކާއި މުދާ؛ އަދި
  4.  އޮތޯރިޓީން އަންގާ އެހެނިހެން މަޢުލޫމާތުތައް.

(ނ) ލައިސަންސް ލިބޭ ފަރާތުން ށާއިޢުކުރާ މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އެފަރާތުގެ ހިދުމަތުގެ އަގުގައި ނުހިމެނޭ، ޓެލެކޮމިއުނިކޭށަންގެ އާ ހިދުމަތެއް ނުވަތަ ހިދުމަތުގެ އަގެއް ތަޢާރުފުކުރަން ލައިސަންސް ލިބޭ ފަރާތުން ބޭނުންނަމަ، އެ ހިދުމަތް ނުވަތަ އަގު ހުއްދަކުރިކަމުގެ ލިޔުމެއް، އޮތޯރިޓީން ހޯދަންޖެހޭނެއެވެ.

 

15 ވަނަ މާއްދާ - ބަންޑްލިންގ (އެއްކުރުން)

(ހ) އޮތޯރިޓީގެ ހުއްދަ ލިޔުމަކުން ހޯދުމަށްފަހު މެނުވީ، ޓެލެކޮމިއުނިކޭށަންގެ އެކިއެކި ހިދުމަތްތަކުގެ އަގުތައް އެއްކޮށް ބަންޑަލްކޮށްގެން އެ ހިދުމަތްތައް ވަކިން ވަކި އަގުތަކެއްގައި ނުލިބޭ ގޮތަކަށް ހިދުމަތް ހޯދާ ފަރާތްތަކަށް ދިނުމަށް އެއްވެސް ފަރާތަކުން ހުށަހަޅައިގެން ނުވާނެއެވެ.

(ށ) އޮތޯރިޓީން ކަނޑައަޅާ އުސޫލެއްގެ ދަށުން، ލައިސަންސް ލިބިފައިވާ ފަރާތުން އެއް އަގެއްގައި ހިމަނައިގެންދޭ ޓެލެކޮމިއުނިކޭށަންގެ ހިދުމަތްތަކުގެ ތެރެއިން ހިދުމަތެއް، ވަކި އަގެއްގެ ދަށުން ދިނުމަށް ލައިސަންސް ލިބިފައިވާ ފަރާތަށް އެންގިދާނެއެވެ.

 

16 ވަނަ މާއްދާއަގު ކޮންޓްރޯލްކުރުން

(ހ) އޮތޯރިޓީގެ ގަރާރަކުން ނުވަތަ ލައިސަންސްގެ ށަރުތަކުން އޮތޯރިޓީން ލިޔުމުން ކަނޑައަޅައި، އަގު ކޮންޓްރޯލްކުރުމަށް އޮތޯރިޓީން އަޅާ ފިޔަވަޅުތަކަށް ލައިސަންސް ލިބޭ ފަރާތުން ތަބާވުމަށް، ނުވަތަ އަގު ކޮންޓްރޯލްކުރުމަށްޓަކައި، ލައިސަންސް ލިބޭ ފަރާތަކުން ށާއިޢުކޮށްފައިވާ އަގަށްވުރެ ގިނައިން ނުވަތަ މަދުން އަގު ނުނެގުމަށް، އޮތޯރިޓީން އެންގިދާނެއެވެ.

(ށ) ލައިސަންސް ލިބިފައިވާ ފަރާތުންދޭ ހިދުމަތުގެ އަގަކަށް ބަދަލު ގެންނަންވާނީ ލައިސަންސްގައި ކަނޑައަޅާފައިވާ އުސޫލެއް ނުވަތަ ފޯމިއުލާއެއްގެ މަތިންނެވެ. މިނޫން ގޮތަކަށް އަގު ބަދަލުކުރަންވާނީ ގަވާއިދަކުން ނުވަތަ އޮތޯރިޓީގެ ހުއްދައަކުން އެ ބަދަލުގެނައުމަށް ހުއްދަ ދީ ނުވަތަ އަންގާފައިވާނަމައެވެ. މިގޮތުން އޮތޯރިޓީން އަންގާ އެންގުމެއް އަންގަންވާނީ، ތިރީގައިވާ މައިގަނޑު އަސާސްތަކުގެ މައްޗަށް ބިނާކޮށްގެންނެވެ.

  1. އަގުތަކަކީ އިންސާފުވެރި އަގުތަކެއް ކަމުގައި ވުމާއި އަދި އެކަށީގެންނުވާ ގޮތެއްގައި ތަފާތުކުރެވިފައިވާ އަގުތަކެއް ކަމުގައި ނުވުން؛
  2. އަސާސީ ހިދުމަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހިދުމަތެއް ފިޔަވައި، ހިދުމަތްތަކުގެ އަގުތައް، އެ ހިދުމަތެއް ދިނުމަށް ހިނގާ ހަރަދަށް ނިސްބަތްވާ ގޮތުގެމަތިން، ކްރޮސް ސަބްސިޑައިޒްކުރުން އެންމެ މަދުވާ ގޮތަކަށް ބެހެއްޓުން؛
  3. ހިދުމަތް ފޯރުކޮށްދޭ އެހެނިހެން ފަރާތްތަކުގެ ވާދަވެރި ފުރުސަތުތައް ގެއްލޭފަދަ ގޮތަކަށް ހުންނަ އަގުތަކަކަށް ނުވުން.

(ނ) މި މާއްދާގެ (ށ) އަށް އުނިކަމެއް ނާންނާނެ ގޮތުގެމަތިން، އޮތޯރިޓީން އަންގާ އެންގުމެއްގެ ދަށުން ނުވަތަ ލައިސަންސް ދޫކުރުމުގެ ށަރުތުތަކުގެ ތެރޭގައި ހިމަނައިގެން، ލައިސަންސް ލިބިފައިވާ ފަރާތުގެ އަގުތައް ނުވަތަ ޓެރިފްތައް ބަދަލުކުރަންވާނީ ވަކި ފޯމިއުލާއަކާ އެއްގޮތްވާ ގޮތުގެމަތިން ކަމުގައި، ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އެންގިދާނެއެވެ.

 

17 ވަނަ މާއްދާ – އެކައުންޓިންގގައި އަމަލުކުރަމުން އަންނަ އުސޫލުތައް

(ހ) އޮތޯރިޓީން ކަނޑައަޅާ ހިސާބު ބަލަހައްޓާނެ އުސޫލަކާ އެއްގޮތަށް ލައިސަންސް ލިބިފައިވާ ފަރާތުގެ ހިސާބުތައް ބަލަހައްޓަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އޮތޯރިޓީން ކަނޑައަޅާ ހިސާބު ބަލަހައްޓާ އުސޫލުތަކަކީ އެކައުންޓިންގ ދާއިރާގައި ޢާންމުކޮށް ގެންގުޅޭ އުސޫލުތަކާއި މަބްދައުތަކާ ތަޢާރުޒުނުވާ އުސޫލުތަކަކަށް ވާންވާނެއެވެ. މިގޮތުން ކަނޑައަޅާ ހިސާބު ބެލެހެއްޓުމުގެ އުސޫލުތަކުގެ ތެރޭގައި ތަފާތު ހިދުމަތްތަކަށް ނުވަތަ ހިދުމަތްތަކުގެ ބާވަތްތަކަށް ހިނގާ ހަރަދު އަދި އަގު ވަކިން އެނގޭނެފަދަ ގޮތަކަށް އެކައުންޓްކުރެވޭނެ އުސޫލުތައް ހިމެނިދާނެއެވެ.

(ނ) ލައިސަންސް ލިބިފައިވާ ފަރާތްތަކުގެ ހިސާބުތަކުގެ ރެކޯޑު ބެލެހެއްޓުމުގައި ޢަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ރެކޯޑު ބެލެހެއްޓުމުގެ ގަވާއިދެއް އޮތޯރިޓީން ހަދައި، އެ ގަވާއިދާ އެއްގޮތަށް ޢަމަލުކުރުމަށް އެންގިދާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ހަދާ ރެކޯޑު ބެލެހެއްޓުމުގެ ގަވާއިދުގައި އެކަން ކުރާނެ ގޮތުގެ ތަފްސީލުތައް ކަނޑައެޅިދާނެއެވެ.

(ބ) ރެކޯޑު ބެލެހެއްޓުމުގެ ގަވާއިދުގައި ލައިސަންސް ލިބިފައިވާ ފަރާތަކުން ކުރުމަށް ކަނޑައަޅާފައިވާ ކަންކަން، އެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، ލައިސަންސް ލިބިފައިވާ ފަރާތުން ކުރަންވާނެއެވެ.

(ޅ) އޮތޯރިޓީން އަންގާ އެންގުމަކުން ނުވަތަ ލައިސަންސްގައި ކަނޑައެޅޭ ށަރުތުތަކުން، ލައިސަންސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ޓެލެކޮމިއުނިކޭށަންގެ ތަފާތު ވިޔަފާރިތަކުގައި ނުފޫޒުގަދަ ފަރާތެއްގެ ހިސާބުތައް، އެކި ވިޔަފާރީގެ ހިސާބުތައް ވަކިން އެނގޭގޮތަށް ހިސާބު ބެލެހެއްޓުމަށް އޮތޯރިޓީން އެންގިދާނެއެވެ.

 

ދެވަނަ ބާބު

ޓެލެކޮމިއުނިކޭށަންގެ ހިދުމަތްދޭ ތަންތަނާއި ފެސިލިޓީތައް އޮތޯރިޓީން ފާސްކުރުން

 

18 ވަނަ މާއްދާ – ހިދުމަތްދޭ ތަންތަނާއި ފެސިލިޓީތައް ފާސްކުރުން

(ހ) ލައިސަންސްގެ ށަރުތުތަކާ އެއްގޮތަށް ލައިސަންސް ލިބިފައިވާ ފަރާތުން ޢަމަލުކުރަމުންދޭތޯ ބެލުމަށްޓަކައި، އޮތޯރިޓީން އެފަރާތަށް އެކަށީގެންވާ މުއްދަތެއްގެ ކުރިން ލިޔުމަކުން ނޯޓިސްދިނުމަށްފަހު، އެފަރާތުގެ އޮފީސްތަކާއި، ޓެލެކޮމިއުނިކޭށަންގެ ނެޓްވަރކްތަކާއި، ހިދުމަތްދިނުމަށް ބޭނުންކުރާ އިކުއިޕްމަންޓާއި އަދި ވަސީލަތްތައް ބަލައި ފާސްކުރުމަށްޓަކައި، ރާއްޖޭގައި ގާއިމުކުރެވިފައިވާ ޢިމާރާތްތަކާއި ތަންތަނަށް ވަދެ، ބަލައި ފާސްކުރެވިދާނެއެވެ.

(ށ) ލައިސަންސް ލިބިފައިވާ ފަރާތެއްގެ ޓެލެކޮމިއުނިކޭށަންގެ ނެޓްވަރކްތަކާއި، ހިދުމަތްދިނުމަށް ބޭނުންކުރާ އިކުއިޕްމަންޓާއި އަދި ވަސީލަތްތައް ގާއިމުކުރެވިފައިވާ ތަންތަން ފާސްކުރުމަށް ނުވަތަ އެ ވަސީލަތްތައް ރަނގަޅުތޯ ބެލުމަށް ކުރަންޖެހޭ ޓެސްޓްތައް ކުރުމަށް ބޭނުންވާނެ އިކުއިޕްމަންޓް، އޮތޯރިޓީން ކަނޑައަޅާ ފަންނީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން އޮތޯރިޓީގެ ބޭނުމަށް ލައިސަންސް ލިބިފައިވާ ފަރާތުން ފޯރުކޮށްދޭންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ފަދައިން އޮތޯރިޓީން ތަނެއް ފާސްކުރަން ބޭނުންވެ، އެކަންކުރާ ތަނެއްގައި ލައިސަންސް ލިބިފައިވާ ފަރާތް ތަމްސީލުކުރާނެ މީހަކު ބެހެއްޓުމަށް އެކަށީގެންވާ މުއްދަތެއްގެ ނޯޓިހާއެކު އޮތޯރިޓީން އެދިއްޖެނަމަ، ލައިސަންސް ލިބިފައިވާ ފަރާތުން އެކަން ހަމަޖައްސައިދޭންވާނެއެވެ.

(ރ) ލައިސަންސް ލިބިފައިވާ ފަރާތުގެ ޓެލެކޮމިއުނިކޭށަންގެ އިކުއިޕްމަންޓްތަކަކީ، މި ގާނޫނުގައި ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ކަނޑައަޅާފައިވާ ފަންނީ މިންގަނޑުތަކަށް ފެތޭ އަދި އެފަދަ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން އޮޕަރޭޓްކުރާ ތަކެތި ކަމުގައި ދެއްކުމަށް، އެކަށީގެންވާ މުއްދަތެއްގެ ނޯޓިހަކާއެކު އޮތޯރިޓީން ލައިސަންސް ލިބިފައިވާ ފަރާތަށް ލިޔުމަކުން އެންގިދާނެއެވެ.

(ބ) މި މާއްދާގެ (ހ) ގެ ބޭނުމަށް، ލައިސަންސް ލިބިފައިވާ ފަރާތުން، ކަމަށް އެކަށޭނަ ޓެސްޓްކުރާ އިކުއިޕްމަންޓާއި މުވައްޒަފުން ދޭންވާނެއެވެ. އަދި މި މާއްދާގެ ދަށުން އޮތޯރިޓީން އަންގާ އެންގުންތަކާ އެއްގޮތަށް ޢަމަލުކުރަންޖެހޭނެއެވެ.

(ޅ) ލައިސަންސް ލިބިފައިވާ ފަރާތުގެ އޮފީސްތަކާއި ޢިމާރާތްތައް ނުވަތަ ތަންތަނުގައި ހިންގާ އޮޕަރޭށަންތަކަށް އުނދަގޫވާ ގޮތަށް މި މާއްދާގެ (ހ) ގެ ދަށުން އޮތޯރިޓީއަށް ލިބޭ ބާރުގެ ބޭނުންކޮށްގެން ނުވާނެއެވެ.

 

ތިންވަނަ ބާބު

އިންސާފުވެރި ވާދަވެރިކަމާއި، ވިޔަފާރީގެ ސުލޫކު

 

19 ވަނަ މާއްދާ - ވާދަވެރިކަމާ ހިލާފު އަމަލުތައް

(ހ) އޮތޯރިޓީގެ ނަޒަރުގައި ޓެލެކޮމިއުނިކޭށަންގެ ވިޔަފާރީގެ ވާދަވެރިކަން ގެއްލުވާލުމުގެ ނުވަތަ ވާދަވެރިކަން އެކަށީގެންނުވާ މިންވަރަކަށް ދަށްކުރުމުގެ މަގްސަދުގައި ނުވަތަ ވާދަވެރިކަން ގެއްލިދާފަދަ އަސަރެއް ނުވަތަ ވާދަވެރިކަން ގެއްލިދާނެ ކަމަށް ގަބޫލުކުރެވޭފަދަ އަސަރެއް ކޮށްފާނެކަމެއް، ލައިސަންސް ލިބިފައިވާ ފަރާތްތަކުން ކޮށްގެންނުވާނެއެވެ.

(ށ) ލައިސަންސް ލިބިފައިވާ ފަރާތުންކުރި ޢަމަލަކީ މި މާއްދާގެ (ހ) ގައިވާ ފަދަ ކަމެއް ކުރުމުގެ މަގްސަދުގައި ނުވަތަ ވާދަވެރިކަން އެކަށީގެންނުވާ މިންވަރަކަށް ދަށްކުރުމުގެ މަގްސަދުގައި ކުރި ކަމެއް ކަމަށް ނުވަތަ އެފަދަ ކަމެއް ކުރިމަތިވެދާނެ ޢަމަލެއްކަން ކަނޑައެޅުމުގައި އޮތޯރިޓީން އަންނަނިވި ކަންކަމަށް ރިޢާޔަތްކުރަންވާނެއެވެ.

  1. ވިޔަފާރީގައި ބޭނުންކުރާ އިގްތިސާދީ އުސޫލުތަކާއި މުސްތަލަހުތައް؛
  2. ވިޔަފާރިއަށް އަސަރުކުރާ ބައިނަލްއަގްވާމީ ސިފަތައް؛
  3. އެ ޢަމަލެއްގެ ސަބަބުން ވިޔަފާރީގައި ވާދަވެރި ފަރާތްތަކުގެ ޢަދަދަށާއި، އެފަރާތްތަކުން ވިޔަފާރީގައި ތަމްސީލުކުރާ ހިއްސާތަކަށް ކުރާ އަސަރު؛
  4. އެ ޢަމަލެއްގެ ސަބަބުން ވިޔަފާރިއަށް ވަނުމަށް ހުންނަ ހުރަސްތަކަށް އަސަރުކުރާ މިންވަރު؛
  5. އެ ޢަމަލުގެ ސަބަބުން ވިޔަފާރީގައި ހިދުމަތް ލިބޭ ފުޅާމިނަށް ކުރާނެ އަސަރު؛
  6.  އެ ޢަމަލެއްގެ ސަބަބުން ވިޔަފާރީގައި ވާދަކުރާ ފަރާތްތަކަށާއި ވާދަކުރަން އައިސްފާނެ ފަރާތްތަކެއް ވާދަވެރިކަމާއެކު ވިޔަފާރިކުރުމަށް ކުރާނެ އަސަރު.

(ނ) މި މާއްދާގެ (ހ) ގައިވާ ޢާންމު މަގްސަދުތަކަށް އުނިކަމެއް ނާންނާނެ ގޮތުގެމަތިން، އަންނަނިވި ހާލަތްތަކުގައި ލައިސަންސް ލިބިފައިވާ ފަރާތުން ކުރާ ޢަމަލަކީ މި މާއްދާގެ (ހ) ގައި ބަޔާންކުރާފަދަ ޢަމަލެއްކަމުގައި ބެލެވޭނެއެވެ.

  1. ގާނޫނީގޮތުން ލާޒިމުކުރާ ނުވަތަ ގާނޫނީގޮތުން ލާޒިމުނުކުރާ އެއްވެސް ބާވަތެއްގެ އެއްބަސްވުމެއް، އެ އެއްބަސްވުމުގެ ސަބަބުން ޓެލެކޮމިއުނިކޭށަންގެ ވިޔަފާރީގެ ވާދަވެރިކަން ގެއްލިދާފަދަ ނުވަތަ ވާދަވެރިކަން އެކަށީގެންނުވާ މިންވަރަކަށް ދަށްކުރުމުގެ މަގްސަދުގައި ނުވަތަ އެފަދަ އަސަރެއް ކުރާނެ ނުވަތަ އަސަރެއް ކޮށްފާނެކަމަށް ގަބޫލުކުރެވޭ ކަމެއް ކުރުމަށް އެއްބަސްވުން، ނުވަތަ އިސްވެ ބަޔާންކުރި މަގްސަދެއް ނުވަތަ އަސަރެއް ކުރާނެ ނުވަތަ އަސަރެއް ކޮށްފާނެ ގޮތަށް އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކުރުމަށް އެއްބަސްވުން:
    (ހހ) ޓެލެކޮމިއުނިކޭށަންގެ ވިޔަފާރިއެއްގައި އެއްޗެއްގެ ނުވަތަ ހިދުމަތެއްގެ އަގު ކަނޑައެޅުން؛
    (ށށ) ޓެލެކޮމިއުނިކޭށަންގެ މާރކެޓް ނުވަތަ މާރކެޓްގެ ބައެއް ލައިސަންސް ލިބިފައިވާ ދެފަރާތެއްގެ ނުވަތަ ފަރާތްތަކެއްގެ މެދުގައި، އެފަރާތްތަކުގެ މެދުގައި ޖޯގްރަފިކަލް ގޮތުން ނުވަތަ ހިދުމަތް ލިބިގަންނަ ކަސްޓަމަރުންގެ ބާވަތުގެ ގޮތުން، ގާތްކަމެއް ހުރި ފަރާތްތަކަކުން އެފަރާތްތަކުގެ މެދުގައި ބަހާލައިގެން ވިޔަފާރިކުރުން؛
    (ނނ) ސަޕްލައިކުރާ ފަރާތްތަކާއި، ކަސްޓަމަރުންނާއި ވާދަވެރި ފަރާތްތައް ހިމެނޭ ގޮތުގެމަތިން، މީހަކަށް މުދަލެއް ނުވަތަ ހިދުމަތެއް ހޯދުމުން ނުވަތަ ސަޕްލައިކުރުމުން މަހްރޫމްކުރުވުން ނުވަތަ ހުއްޓުވުން

  2. މީހަކަށް ޓެލެކޮމިއުނިކޭށަންގެ ހިދުމަތެއް ނުވަތަ އިކުއިޕްމަންޓެއް ނުވަތަ ޑިސްކައުންޓެއް ނުވަތަ ހިދުމަތާ ގުޅިގެން ދެވޭ ކްރެޑިޓެއް ދިނުމަށް، އެ ހިދުމަތް ހޯދާ މީހާ، ލައިސަންސް ލިބިފައިވާ ފަރާތުން ނުވަތަ އެހެން ފަރާތަކުން ފޯރުކޮށްދޭ ހިދުމަތެއް ނުވަތަ އިކުއިޕްމަންޓެއް ހޯދުން ށަރުތުކުރުން؛ ނުވަތަ
  3. އޮތޯރިޓީގެ ނަޒަރުގައި ވާދަވެރިކަން ނެތިދާފަދަ ގޮތަކަށް ނުވަތަ އެކަށީގެންނުވާ މިންވަރަކަށް ވާދަވެރިކަން ދަށްވާނެ ގޮތަކަށް، މީހަކަށް އެކަށީގެންނުވާ އިމްތިޔާޒެއް ދިނުން ނުވަތަ ބޭއިންސާފު ޢިނާޔަތެއް އެހެން މީހެއްގެ ފަރާތުން ލިބިގަތުން.

 

20 ވަނަ މާއްދާ – ވިޔަފާރީގައި ނުފޫޒުގަދަ ފަރާތް

(ހ) މި ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން އޮތޯރިޓީއަށް ލިބިދޭ ބާރުތައް އުނިނުވާނެ ގޮތުގެމަތިން، ޓެލެކޮމިއުނިކޭށަންގެ ވިޔަފާރިއެއްގައި ހިނގާ ވާދަވެރިކަން ނެތިކޮށްލާފަދަ ނުވަތަ ވާދަވެރިކަން އެކަށީގެންނުވާ މިންވަރަކަށް ދަށްކުރާ ނުވަތަ އެކަމަށް ނޭދެވޭ އަސަރުކުރާ ނުވަތަ އަސަރުކޮށްފާނެ ކަމެއް ހުއްޓުވުމަށާއި އެކަންކަން ރަނގަޅުކުރުމަށް ފިޔަވަޅު އެޅުމަށް ލައިސަންސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ނުފޫޒުގަދަ ފަރާތްތަކަށް އޮތޯރިޓީން އެންގިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އޮތޯރިޓީން އަންގާ އެންގުންތައް، މި ގާނޫނުގެ މަގްސަދުތަކާ ތަޢާރުޒުވެގެން ނުވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި މި ގާނޫނުގެ އެހެން މާއްދާތަކުގެ ބޭނުމަށް، ލައިސަންސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ނުފޫޒުގަދަ ފަރާތެއްކަމަށް ބަލާނީ، އޭނާ ބޭނުން ކަމެއް ކުރުމުގައި އެހެން ފަރާތެއްގެ ޢަމަލަކަށް (މީގެ ތެރޭގައި އޭނާއާ ވާދަކުރާ ފަރާތްތަކާއި، ކުރިއަށް އޮތް ތަނުގައި ވާދަކޮށްފާނެ ފަރާތްތަކާއި އަދި ކަސްޓަމަރުން ހިމެނޭ ގޮތުން) ޖެހިލުމެއްނެތި އެކަމެއް ކުރެވޭނެފަދަ ބާރު މާރކެޓްގައި ހުރި ފަރާތަކަށެވެ.

(ރ) ލައިސަންސް ލިބިފައިވާ ފަރާތަކީ ވިޔަފާރީގައި ނުފޫޒުގަދަ ފަރާތެއްކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި އަންނަނިވި ކަންކަމަށާއި، އޮތޯރިޓީއަށް ފެންނަ އެހެނިހެން ކަންކަމަށް އޮތޯރިޓީން ރިޢާޔަތްކުރަންވާނެއެވެ.

  1. ލައިސަންސް ލިބިފައިވާ ފަރާތުން މާރކެޓް ހާސިލުކޮށްފައިވާ މިންވަރު؛
  2. ލައިސަންސް ލިބިފައިވާ ފަރާތުން އަގު ކަނޑައެޅުމާއި، އެހެނިހެން ކަންކަން ނިންމުމުގައި ވާދަވެރި ފަރާތްތަކުގެ ހުރަހަކާ ނުލައި އެކަމެއް ތަންފީޒުކުރުމަށް ބާރު ލިބިފައިވާ މިންވަރު؛ އަދި
  3. ޕްރޮޑަކްޓުގެ ތަފާތުކަމާއި، ބްރޭންޑްގެ ލޯޔަލްޓީ ހިމެނޭ ގޮތުގެމަތިން، ކަމާބެހޭ ޓެލެކޮމިއުނިކޭށަންގެ ވިޔަފާރިއަކަށް ވަނުމަށްހުރި ހުރަސްތައް.

 

21 ވަނަ މާއްދާ – ވިޔަފާރީގައި ނުފޫޒުގަދަ ފަރާތުން އެހެން ފަރާތްތަކާމެދު ކަންކުރުމުގައި ތަފާތު ނުގެންގުޅުން

(ހ) މި ގާނޫނުގެ 19 ވަނަ މާއްދާގެ (ހ) އާއި މި މާއްދާގެ (ނ) ގައިވާ އޮޕަރޭށަންތައް ހިންގުމަށް ދަތިނުވާނެ ގޮތުގެމަތިން، ލައިސަންސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ޓެލެކޮމިއުނިކޭށަންގެ ވިޔަފާރީގައި ނުފޫޒުގަދަ މަގާމެއްގައި ހުރި ފަރާތަކުން ޓެލެކޮމިއުނިކޭށަންގެ ހިދުމަތް ނުވަތަ މުދާ ހޯދާ ފަރާތްތަކާމެދު އެފަރާތުން ހިދުމަތްދޭ ނުވަތަ ވިއްކާ މުދަލުގެ އަގާ ގުޅިގެން ނުވަތަ އެފަދަ ހިދުމަތެއް ފޯރުކޮށްދިނުމުގައި ގެންގުޅޭ ށަރުތުތަކުގައި ތަފާތުކުރުންތަކެއް ގެންގުޅެގެން ނުވާނެއެވެ. ނަމަވެސް އަގުގެ ތަފާތުކުރުންތަކަކީ ހިދުމަތަށް އެދޭ ފަރާތަށް ހިދުމަތް ފޯރުކޮށްދިނުމުގައި ހިނގާ ހަރަދަށް ބަލައި، އެކަށީގެންވާ ތަފާތުކުރުމެއްނަމަ، އެފަދަ ތަފާތުކުރުމެއް ގެންގުޅުމަކަށް، މި މާއްދާ ހުރަހެއް ނާޅައެވެ.

(ށ) މި މާއްދާގެ (ހ) އަށް އުނިކަމެއް ނާންނާނެ ގޮތުގެމަތިން، އަދ ި މި މާއްދާގެ (ނ) އާ އެއްގޮތްވާ ގޮތުގެމަތިން، އަދި މި ގާނޫނުގެ 26 ވަނަ މާއްދާގެ (ހ) ގައިވާ ކަންކަން ހިންގުމަށް ދަތިނުވާނެ ގޮތުގެމަތިން، ހިދުމަތެއް ނުވަތަ މުދަލެއް ހޯދައި، އެ ހިދުމަތެއް ނުވަތަ މުދަލެއް ޢާންމުންނަށް ފޯރުކޮށްދޭ ފަރާތަކާއި، ހިދުމަތެއް ނުވަތަ މުދަލެއް ޢާންމުންނަށް  ފޯރުވައިނުދޭ ފަރާތަކާއި މުޢާމަލާތްކުރުމުގައި ޓެލެކޮމިއުނިކޭށަންގެ ވިޔަފާރީގައި ނުފޫޒުގަދަ މަގާމެއްގައި ހުރި ފަރާތުން ތަފާތުކުރުންތަކެއް ގެންގުޅެގެން ނުވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައިވާ ފަދަ ކަންކަން މަނާކުރެވެނީ އެފަދަ ކަމެއްގެ ސަބަބުން ޓެލެކޮމިއުނިކޭށަންގެ ވިޔަފާރީގެ ވަދާވެރިކަމަށް ނޭދެވޭ އަސަރެއް ކޮށްފާނެ ކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވޭ ހާލަތްތަކުގައެވެ.

 

22 ވަނަ މާއްދާ – މަރޖްކުރުން ނުވަތަ ވިޔަފާރި އެއްކޮށްލުން

(ހ) އެއްވެސް މީހަކު ސީދާކޮށް ނުވަތަ ނުސީދާކޮށް ނަމަވެސް، ކުންފުންޏެއްގެ ރައުސްމާލަކުން ހިއްސާއެއް ހޯދައިގެން، ނުވަތަ އެއްވެސް މީހެއްގެ މުދަލެއް ހޯދައިގެން، އެހެން ވިޔަފާރިއެއް ގަތުމަކީ ނުވަތަ ހޯދައިގަތުމަކީ ޓެލެކޮމިއުނިކޭށަންގެ ވިޔަފާރީގެ ވާދަވެރިކަން ކުޑަވާނެ ނުވަތަ ކުޑަވެދާނެ ކަމެއްނަމަ އެކަން ކޮށްގެންނުވާނެއެވެ.

(ށ) މީހަކު އެހެން ވިޔަފާރިއެއް ގަނެލުމުން ނުވަތަ ހޯދައިގަތުމުގެ ސަބަބުން ޓެލެކޮމިއުނިކޭށަންގެ ވިޔަފާރީގެ ވަދާވެރިކަމަށް ނޭދެވޭ އަސަރެއް ކޮށްފާނެތޯ ބެލުމުގައި، މި މާއްދާގެ (ހ) ގެ ބޭނުމަށް، އެ އަކުރުގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރަށް އަންނަނިވި ކަންކަމަށް ރިޢާޔަތްކުރަންވާނެއެވެ.

  1. ވިޔަފާރީގެ ތެރެއަށް ވަނުމުގައި ހުރި ހުރަސްތައް؛
  2. މާރކެޓް ކޮންސެންޓްރޭޓްވެފައިވާ މިންވަރު؛
  3. މާރކެޓްގައި އިދިކޮޅަށް ވާދަކުރާނެ ބާރުހުރި މިންވަރު؛
  4. އެމީހަކު ގަނެލާ ނުވަތަ ހޯދައިގަންނަ ވިޔަފާރީގެ ސަބަބުން، ވިޔަފާރީގެ އަގުތައް އެކަށީގެންނުވާ މިންވަރަށް ދާއިމީ ސިފައެއްގައި މަތިކުރަމުން ގެންދިއުމަށް ނުވަތަ ފައިދާގެ މިންވަރުތައް އިތުރުކުރަމުން ގެންދިއުމަށް ބާރު ލިއްބައިދޭ މިންވަރު؛
  5. ވާދަކުރެވޭ ތަކެތީގެ ނުވަތަ ހިދުމަތްތަކުގެ ބަދަލުގައި ބޭނުންކުރާނެ ތަކެތި ނުވަތަ ހިދުމަތްތައް ވިޔަފާރީގައި ލިބެންހުރި މިންވަރާއި އަދި ލިބެން ހުންނާނެކަމަށް ބެލެވޭ މިންވަރު؛
  6. ވިޔަފާރީގެ މާހައުލު ބަދަލުވަމުންދާ މިންވަރު. މިގޮތުން ވިޔަފާރީގެ ކުރިއެރުމާއި، އުފެއްދުންތެރިކަމާއި، ލިބެންހުރި ތަކެއްޗާއި ހިދުމަތްތަކުގެ ތަފާތުކަން؛
  7. އެމީހަކު ގަނެލާ ނުވަތަ ހޯދައިގަންނަ ވިޔަފާރީގެ ސަބަބުން، މާރކެޓްގައި ވަރުގަދައަށް ވާދަކުރާ ފަރާތެއް ނެތިދިއުމުގެ ފުރުސަތު އޮތް މިންވަރު؛
  8. އެއް ދާއިރާއެއްގައި މަސައްކަތްކުރާ ދެ ކުންފުނި އެއްކޮށްލާއިރު، އެއްކޮށްލުމުގެ މިންވަރާއި ތަބީޢަތު.

 

23 ވަނަ މާއްދާ - ހުއްދަ ދިނުން

(ހ) ލައިސަންސް ލިބިފައިވާ ފަރާތުން ކުރާ ޢަމަލަކީ، އެ ޢަމަލެއްގެ ސަބަބުން ޓެލެކޮމިއުނިކޭށަންގެ ވިޔަފާރީގައި އޮންނަ ވާދަވެރިކަން އެކަށީގެންނުވާ މިންވަރަކަށް ކުޑަވެގެންދާނެ، ނުވަތަ އެ ވާދަވެރިކަން ކުޑަވެގެން ހިނގައިދާނެފަދަ ޢަމަލެއްކަމުން، މި ގާނޫނުގެ އެއްވެސް މާއްދާއަކާ ހިލާފުވެދާނެ ޢަމަލެއްނަމަ، އެ ޢަމަލެއް ކުރުމުގެ ކުރިން ލައިސަންސް ލިބިފައިވާ ފަރާތުން އޮތޯރިޓީގެ ހުއްދަ ހޯދުމަށް އެދެވިދާނެއެވެ.

(ށ) މި ބާބުގެ އެއްވެސް މާއްދާއަކާ ހިލާފުނުވާނެ ގޮތުގެމަތިން، ލައިސަންސް ލިބިފައިވާ ފަރާތުން އެދިފައިވާ ޢަމަލުކުރުމުގެ ހުއްދައެއް އެފަރާތަށް ދިނުމުގައި ގައުމީ މަސްލަހަތެއް އޮތްކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވިއްޖެނަމަ، ލައިސަންސް ލިބިފައިވާ ފަރާތަށް، އެ ޢަމަލުކުރުމުގެ ހުއްދަ، އޮތޯރިޓީން ދެވިދާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދަދިނުމުގެ ކުރިން، ހުއްދަ ހޯދުމަށްފަހު ލައިސަންސް ލިބިފައިވާ ފަރާތުން ކުރަންޖެހޭނެ ކަންކަން ބަޔާންކުރެވިފައިވާ ލިޔުމެއް ތައްޔާރުކޮށް، ހުށަހެޅުމަށް އޮތޯރިޓީން ލައިސަންސް ލިބިފައިވާ ފަރާތަށް އެންގިދާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ދެވިފައިވާ ހުއްދަތަކާއި ހުއްދަދެވިފައިވާ ކަންކަން އެނގޭނެހެން ރަޖިސްޓަރީއެއްގައ ި ލިޔެ، އޮތޯރިޓީން އެ ރަޖިސްޓަރީ ބަލަހައްޓަންވާނެއެވެ.

 

24 ވަނަ މާއްދާ – އޮޅުވާލުމާއި މަކަރާއި ހީލަތް ހެދުން

ޓެލެކޮމިއުނިކޭށަންގެ ހިދުމަތެއް ނުވަތަ މުދަލެއް ހޯދުމުގައި ނުވަތަ އެފަދަ ހިދުމަތެއް ނުވަތަ މުދަލެއް ފޯރުކޮށްދިނުމުގައި ނުވަތަ އެ މުދަލެއް ނުވަތަ ހިދުމަތެއް ކުރިއެރުވުމުގައި ނުވަތަ މާރކެޓްކުރުމުގައި ނުވަތަ އިށްތިހާރު ކުރުމުގައިވިއަސް، އޮޅުވާލައި ނުވަތަ މަކަރާއި ހީލަތް ހަދާކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވޭފަދަ ޢަމަލެއް، ލައިސަންސް ލިބިފައިވާ ފަރާތަކުން ކޮށްގެންނުވާނެއެވެ.

 

25 ވަނަ މާއްދާ - ބަދަލުދިނުން

(ހ) މި ގާނޫނުގެ 14 ވަނަ މާއްދާއާއި، 19 ވަނަ މާއްދާއާއި، 21 ވަނަ މާއްދާއާ ހިލާފުވުމުގެ ސަބަބުން، ނުވަތަ ލައިސަންސްގެ ށަރުތަކާ ހިލާފުވުމުގެ ސަބަބުން، ނުވަތަ އެ މާއްދާތަކާ ގުޅިގެން އެންގިފައިވ ާ އެންގުމަކާ ހިލާފުވުމުގެ ސަބަބުން މީހަކަށް ގެއްލުމެއް ލިބިއްޖެނަމަ، އެކަމުގެ ބަދަލު ހޯދުމަށް ނުވަތަ އެނޫންވެސް އެކަށޭނަ އަދަބެއް ގެއްލުންދިން ފަރާތަށް ލިބިދިނުމަށް ގެއްލުން ލިބުނު މީހާއަށް ހުށަހެޅިދާނެއެވެ.

(ށ) މި ގާނޫނުގެ 14 ވަނަ މާއްދާއާއި، 19 ވަނަ މާއްދާއާއި، 21 ވަނަ މާއްދާގައި ހަވާލާދީފައިވާ ކަމަކާ ހިލާފުވީތާ، ނުވަތަ އެއިން މާއްދާއަކާ ހިލާފުވުމުގެ ސަބަބުން އޮތޯރިޓީން އެފަރާތެއް ޖޫރިމަނާ ކުރާތާ 3 (ތިނެއް) އަހަރު ފަހުން، މި މާއްދާގެ (ހ) ގެ ދަށުން އެއްވެސް ހުށަހެޅުމެއް ހުށައެއް ނޭޅޭނެއެވެ.

 

ހަތަރުވަނަ ބާބު

އޮތޯރިޓީގެ އެންގުންތަކާއި ގައިޑްލައިންތައް

 

26 ވަނަ މާއްދާލައިސަންސް ލިބިފައިވާ ފަރާތްތަކަށް އޮޓޯރިޓީން އަންގާ އެންގުންތައް

(ހ) އަންނަނިވި ކަންކަން ހާސިލުކުރުމަށްޓަކައި، ލައިސަންސް ލިބިފައިވާ ފަރާތްތަކުން ވަކިގޮތަކަށް ޢަމަލުކުރުމަށް އޮތޯރިޓީން އެންގިދާނެއެވެ.

  1. ޢާންމުންނަށް ދެވޭ ޓެލެކޮމިއުނިކޭށަންގެ ހިދުމަތް ރަނގަޅު ފެންވަރެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެވޭތޯ ބެލުން؛
  2. ޓެލެކޮމިއުނިކޭށަންގެ ވަސީލަތްތައް ހިންގުމުގައި ފަންނީގޮތުންނާއި ސަލާމަތީގޮތުން ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަވެފައިވޭތ ޯ ބެލުން؛
  3. މި މާއްދާއާ ހިލާފުނުވާ ގޮތެއްގެމަތިން، ވިޔަފާރީގައި ހަމަހަމަކަމާއި ހަރުދަނާ ސުލޫކީ މިންގަނޑެއް ލައިސަންސް ލިބިފައިވާ ފަރާތްތަކުން ގެންގުޅޭތޯ ބެލުން؛
  4. އޮތޯރިޓީން ކުރަންޖެހޭ ކަންކަން ކުރުމުގައި، ނުވަތަ އޮތޯރިޓީގެ ބާރުތައް ބޭނުންކުރުމުގައި، ނުވަތަ ޢާންމު މަސްލަހަތެއް އޮތްކަމެއްގައި ކޮންމެހެން އަންގަންޖެހޭ އެންގުންތައް.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އަންގާ އެންގުން މި ގާނޫނުގެ އެއްވެސް މާއްދާއަކާ ނުވަތަ މި ގާނޫނުގެ މަގްސަދުތަކާ ތަޢާރުޒުވެގެން ނުވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން އަންގާ އެންގުމުގައި ބަޔާންކޮށްފައިވާ ކަމެއް ނުވަތަ ބަޔާންކޮށްފައިވާ ކަމަކާގުޅޭ ބާވަތުގެ ކަމެއް ވަކިގޮތަކަށް ކުރުމަށް ނުވަތަ ނުކުރުމަށް ލައިސަންސް ލިބިފައިވާ ފަރާތަށް އޮތޯރިޓީން އެންގިދާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން އަންގާ އެންގުމަށް ވީއެންމެ އަވަހަކަށް ޢަމަލުކުރަން ފެށުމަށް، އެ އެންގުމުގައި ކަނޑައެޅިދާނެއެވެ. އަދި އޮތޯރިޓީއަށް ފެނިއްޖެ ހިނދެއްގައި އެ އެންގުން ބާތިލުކުރެވިދާނެއެވެ.

(ބ) މި މާއްދާގެ (ހ) ގެ ދަށުން ލައިސަންސް ލިބިފައިވާ ފަރާތަކަށް އެންގުމެއް އެންގުމުގެ ކުރިން، އެފަރާތަށް ނޯޓިހެއް ދެވިދާނެއެވެ. ނޯޓިހެއް ދިނުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށް އޮތޯރިޓީއަށް ފެންނަނަމަ، އަންނަނިވި ކަންކަން ބަޔާންކޮށް އޮތޯރިޓީން އެފަރާތަށް ނޯޓިހެއް ފޮނުވަންވާނެއެވެ.

  1. އޮތޯރިޓީން ހުށަހަޅާ އެންގުމާއި، އެ އެންގުމަށް ޢަމަލުކުރަންޖެހޭނެކަން؛ އަދި
  2. ހުށަހަޅާފައިވާ އެންގުމަށް އިޢުތިރާޒްކުރާނަމަ، ނުވަތަ އިތުރު ހިޔާލެއް ހުށަހަޅާނަމަ، އެފަދަ އިޢުތިރާޒެއް ނުވަތަ ހިޔާލެއް ހުށަހެޅުމަށް ކަނޑައަޅާފައިވާ ވަގުތު ބަޔާންކޮށް، ކަނޑައަޅާފައިވާ ވަގުތުގައި ހުށަހަޅާ ހިޔާލުތަކާއި އިޢުތިރާޒުތަކަށް ރިޢާޔަތްކުރާނެކަން.

(ޅ) މި މާއްދާގެ ދަށުން އޮތޯރިޓީން އަންގާ އެންގުންތަކަށް ލައިސަންސް ލިބިފައިވާ ފަރާތްތަކުން ހުރުމަތްތެރިކޮށް ހިތައި، އެ އެންގުންތަކާ އެއްގޮތަށް ޢަމަލުކުރަންވާނެއެވެ.

 

27 ވަނަ މާއްދާ – ގައިޑްލައިންތައް

(ހ) މި ގާނޫނަށް ޢަމަލުކުރުމަށް ޢަމަލީގޮތުން އެހީތެރިވެ، ފަސޭހަކޮށްދިނުމަށްޓަކައި، އޮތޯރިޓީއަށް ފެނިއްޖެ ހާލަތެއްގައި، މި ގާނޫނުގެ މާއްދާތަކަށް ޢަމަލުކުރުން ފަސޭހަކުރުމަށްޓަކައި މަގުދައްކައިދޭ ގައިޑްލައިންތަކެއް ހެދިދާނެއެވެ.

(ށ) އޮތޯރިޓީން ހަދާ ގައިޑްލައިންތައް، މި ގާނޫނުގެ އެއްވެސް މާއްދާއަކާ ނުވަތަ މި ގާނޫނުގެ މަގްސަދުތަކާ ތަޢާރުޒުވެގެން ނުވާނެއެވެ.

(ނ) މިގޮތުން އަންނަނިވި ކަންކަން ކުރާނެގޮތް ބަޔާންކުރުމަށް ގައިޑްލައިންތަކެއް ހެދިދާނެއެވެ.

  1. އޮތޯރިޓީން ކުރާ މަސައްކަތްތަކުގެ ތެރެއިން، އޮތޯރިޓީން ދޫކުރާ ލައިސަންސްތައް ދޫކުރުމުގައި އެފަރާތުން ގެންގުޅޭނެ އުސޫލުތަކާއި މިންގަނޑުތަކާއި، ލައިސަންސް ދޫކުރުމުގައި އޮތޯރިޓީން ބަލާ މިންގަނޑުތަކާއި އުސޫލުތަކާއި އަދި ލައިސަންސް ދޫކުރުމުގައި ބަލާ އިތުރު ކަންކަން؛
  2. ނެޓްވަރކް ވަސީލަތްތަކާއި އެހެނިހެން ޓެލެކޮމިއުނިކޭށަންގެ އިކުއިޕްމަންޓްތައް ހިންގުމުގައި ޢަމަލުކުރަންވީ ގޮތް؛
  3. ޓެލެކޮމިއުނިކޭށަންގެ ހިދުމަތްތައް ދިނުމާބެހޭ ކަންކަން؛
  4. ނެޓްވަރކް ވަސީލަތެއް ހިންގުމުގައި ނުވަތަ ޓެލެކޮމިއުނިކޭށަންގެ ހިދުމަތްތައް ދިނުމުގައި ކުރަންޖެހޭ ކަންކަން، ނުވަތަ އިސްވެ ބުނެވުނު ދެ ކަންތައް؛
  5. ޓެލެކޮމިއުނިކޭށަންގެ ދާއިރާގައި ބޭނުންކުރާ އެއްވެސް އެއްޗެއް ބޭނުންކޮށް، އުފައްދައި، ފަރުމާކޮށް، ނުވަތަ އެއްޗެއްގެ ޕަރފޯމަންސް ހުންނަންޖެހޭ ގޮތް؛
  6. ރޭޑިއޯ ކޮމިއުނިކޭށަނަކަށް އިންޓަރފިއަރ ކޮށްފާނެ ކަމަކާބެހޭ ކަންކަން؛
  7. ފްރީކުއެންސީ ކަނޑައެޅުމާއި ފްރީކުއެންސީ ވިލަރެސްކުރުން.

(ރ) މި މާއްދާގެ ދަށުން އޮތޯރިޓީން ހަދާ ގައިޑްލައިންތައް އޮތޯރިޓީން ޢާންމުކޮށް ށާއިޢުކޮށް، އެ ގައިޑްލައިންތަކުގެ ކޮޕީއެއް މިނިސްޓަރަށް ފޮނުވަންވާނެއެވެ.

 

ފަސްވަނަ ބާބު

ޓެލެކޮމިއުނިކޭށަންގެ ސިނާއަތުގެ ސުލޫކީ މިންގަނޑުތަކާއި އަސާސީ އުސޫލުތައް

 

28 ވަނަ މާއްދާ –ސިނާއތުގެ ސުލޫކީ މިންގަނޑުތައް އެކަށައަޅައި، ތަރައްގީކުރުން

(ހ) ލައިސަންސް ލިބިފައިވާ ފަރާތަކުން ނުވަތަ ޓެލެކޮމިއުނިކޭށަންގެ ސިނާޢަތު ތަމްސީލުކުރާ ޖަމްޢިއްޔާއަކުން ނުވަތަ ފަރާތަކުން، މި ގާނޫނުގެ މާއްދާތަކަށް ޢަމަލުކުރުމުގައި ގެންގުޅެންޖެހޭ ޓެލެކޮމިއުނިކޭށަންގެ ސިނާޢަތުގެ ސުލޫކީ މިންގަނޑުތަކެއް އެކުލަވާލައި ތަރައްގީކުރެވިދާނެއެވެ. މިގޮތުން އެކުލަވާލައި ތަރައްގީކުރާ މިންގަނޑުތަކަކީ، ދިވެހިރާއްޖޭގެ ގާނޫނަކާ ނުވަތަ ގަވާއިދަކާ، ނުވަތަ މި ގާނޫނުގެ އެއްވެސް މާއްދާއަކާ، ނުވަތަ މި ގާނޫނުގެ މަގްސަދުތަކާ ތަޢާރުޒުވާ މިންގަނޑުތަކަކަށް ވެގެންނުވާނެއެވެ. އަދި އެ މިންގަނޑުތަކުގެ ކޮޕީ އޮތޯރިޓީއަށް ފޮނުވަންވާނެއެވެ.

(ށ) ޖަމްޢިއްޔާއަކީ ނުވަތަ ފަރާތަކީ ޓެލެކޮމިއުނިކޭށަންގެ ސިނާޢަތު ތަމްސީލުކުރާ ފަރާތެއްކަމަށް އޮތޯރިޓީއަށް ފެނިއްޖެ ހިނދެއްގައި، އޮތޯރިޓީން އެ ޖަމްޢިއްޔާއަކަށް ނުވަތަ ފަރާތަކަށް ލިޔުމުން ދެވޭ ނޯޓިހަކުން އަންނަނިވި ކަންކަން ކުރަން އަންގައި، ނުވަތަ އެދެވިދާނެއެވެ.

  1. ޓެލެކޮމިއުނިކޭށަންގެ ހަރަކާތްތަކުގައި ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑެއް ތައްޔާރުކުރުން؛ އަދި
  2. ނޯޓިހުގައި ކަނޑައަޅާފައިވާ މުއްދަތުގައި ސުލޫކީ މިންގަނޑުގެ ކޮޕީއެއް އޮތޯރިޓީއަށް ހުށަހެޅުން.

 

29 ވަނަ މާއްދާ – ސިނާއަތުގެ ސުލޫކީ މިންގަނޑުތައް އޮތޯރިޓީގައި ރަޖިސްޓަރީކުރުން

ސިނާޢަތުގެ ސުލޫކީ މިންގަނޑުތަކުގައި އަންނަނިވި ކަންކަން ފުރިހަމަވާނަމަ، އެ ސުލޫކީ މިންގަނޑުތައް އޮތޯރިޓީގައި ރަސްމީކޮށް ރަޖިސްޓަރީކޮށް، އެ މިންގަނޑުތަކަށް ޢަމަލުކުރުމުގެ ހުއްދަ އޮތޯރިޓީން ދެވިދާނެއެވެ.

(ހ) ސުލޫކީ މިންގަނޑު އެކުލަވާލި ޖަމްޢިއްޔާއަކީ ނުވަތަ ފަރާތަކީ ޓެލެކޮމިއުނިކޭށަންގެ ސިނާޢަތު ތަމްސީލުކުރާ ފަރާތެއްކަމަށް ނުވަތަ ޖަމްޢިއްޔާއެއްކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވުން؛

(ށ) ސުލޫކީ މިންގަނޑު އެކުލަވާލި ޖަމްޢިއްޔާއިން ނުވަތަ ފަރާތުން ތަރައްގީކުރި މިންގަނޑު އެއީ ޓެލެކޮމިއުނިކޭށަންގެ ސިނާޢަތުގެ ގިނަ ފަރާތްތަކެއްގެ ބޭނުމަށް ފުދޭ ސުލޫކީ މިންގަނޑެއް ކަމުގައިވުން؛

(ނ) ސުލޫކީ މިންގަނޑު އެކުލަވާލި ޖަމްޢިއްޔާ ނުވަތަ ފަރާތުން އެ މިންގަނޑުގެ ކޮޕީއެއް އޮތޯރިޓީއަށް ހުށަހެޅުން؛ އަދި

(ރ) ސުލޫކީ މިންގަނޑުގައި ހިމެނިފައިވާ ކަންކަން އިންތިޒާމުކޮށް ހިންގުމުގައި މި ގާނޫނާއި މި ގާނޫނުގެ މަގްސަދުތަކާއި ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ތަޢާރުޒުވާކަމެއް ނެތްކަމާއި، އަދި ސުލޫކީ މިންގަނޑު އެކުލަވާލި ޖަމްޢިއްޔާއިން ނުވަތަ ފަރާތުން، އެކުލަވާލި ސުލޫކީ މިންގަނޑުގެ ދެލިކޮޕީއެއް ށާއިޢުކޮށް، ޢާންމުންނާއި ސިނާޢަތުގައި ބައިވެރިވާ ފަރާތްތަކުން އެ މިންގަނޑުތައް ބަލައި، މުތާލިޢާކޮށް، އެ މިންގަނޑުތަކަށް ގެންނަން އެފަރާތްތަކަށް ފެންނަ އިސްލާހުތަކާއި ހިޔާލުތައް ހުށަހެޅުމަށް އެކަށީގެންވާ ފުރުސަތެއް ލިބިދީފައިވާ ކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވުން.

 

30 ވަނަ މާއްދާ – ރަސްމީކޮށް ރަޖިސްޓަރީކޮށްފައިވާ ސުލޫކީ މިންގަނޑުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެންގުން

(ހ) އޮތޯރިޓީގައި ރަސްމީކޮށް ރަޖިސްޓަރީކޮށް އޮތޯރިޓީން ހުއްދަދީފައިވާ ސިނާޢަތުގެ ސުލޫކީ މިންގަނޑަކާ ޓެލެކޮމިއުނިކޭށަންގެ ސިނާޢަތުގައި ބައިވެރިވެފައިވާ ފަރާތަކުން ހިލާފުވެއްޖެނަމަ، އެ ހިލާފުވީ ފަރާތަށް ސުލޫކީ މިންގަނޑާ ހިލާފުނުވުމަށް އަންގައި، އޮތޯރިޓީން ރަސްމީ އިންޒާރެއް ދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އޮތޯރިޓީން އަންގާ  އެންގުމަކާ އެއްގޮތަށް ޢަމަލުނުކޮށްފިނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި  އެފަރާތެއް 1,000,000 (އެއް މިލިއަން) ރުފިޔާއަށްވުރެ ބޮޑުނޫން  ޢަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ. އަދި އެ މާއްދާއާ ހިލާފުވެ ހިނގާ ކޮންމެ ދުވަހަކަށް ނުވަތަ ދުވަހުގެ ބަޔަކަށް 20,000 (ވިހިހާސް) ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު، އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

31 ވަނަ މާއްދާ – އޮތޯރިޓީން ކަނޑައަޅާ ސިނާއަތުގެ މިންގަނޑުތައް

(ހ) އަންނަނިވި ހާލަތްތަކުގައި، އޮތޯރިޓީގެ ލިޔުމަކުން ސިނާޢަތުގެ މިންގަނޑެއް ކަނޑައަޅައި، އެ މިންގަނޑަކީ ޓެލެކޮމިއުނިކޭށަންގެ ސިނާޢަތުގެ ބައިވެރިންގެ މައްޗަށް ހިންގޭ، އަދި އެ ބައިވެރިން، ލައިސަންސް ލިބިފައިވާ ފަރާތްތައް ހިމެނޭ ގޮތަށް ހިންގާ ޓެލެކޮމިއުނިކޭށަންގެ ސިނާޢަތުގެ ހަރަކާތްތަކާއި އެ ހަރަކާތްތަކާގުޅޭ އެންމެހައި ކަންކަމުގައި ޢަމަލުކުރަންޖެހޭ ސިނާޢަތުގެ މިންގަނޑެއް ކަމުގައި ހަމަޖެއްސިދާނެއެވެ.

  1. މި ގާނޫނުގެ 35 ވަނަ މާއްދާގެ (ށ) ގައިވާ  ގޮތުގެމަތިން އޮތޯރިޓީން އަންގާ އެންގުމަކަށް ނުވަތަ އެދުމަކަށް ޢަމަލުނުކުރުން، ނުވަތަ އެކަމާ ގުޅިގެން ސިނާޢަތުގެ ސުލޫކީ  މިންގަނޑު ރަސްމީކޮށް ރަޖިސްޓަރީކޮށް ހުއްދަދިނުމަށް  އޮތޯރިޓީން އިންކާރުކުރުން؛ ނުވަތަ
  2. އޮތޯރިޓީގައި ރަސްމީކޮށް ރަޖިސްޓަރީކުރެވިފައިވާ، ނަމަވެސް އެ ސުލޫކީ މިންގަނޑަކީ މުޖްތަމަޢަށް  އެކަށީގެންވާ ސަލާމަތްތެރިކަމެއް ފޯރުކޮށްނުދެވޭ ސުލޫކީ މިންގަނޑެއްކަމަށް ނުވަތަ އެ ސުލޫކީ މިންގަނޑުން އިންތިޒާމުކުރަން ގަސްދުކުރެވިފައިވާ ކަންކަން އެކަށީގެންވާ ފެންވަރަކަށް އިންތިޒާމު ކުރުމުގައި، އެ ސުލޫކީ މިންގަނޑު ނުކުޅެދިފައިވާކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވުން.

 

(ށ) މި މާއްދާގެ (ހ) ގެ ދަށުން އޮތޯރިޓީން ކަނޑައަޅާ ސިނާޢަތުގެ މިންގަނޑަކީ މައްސަލައަކާ ނުވަތަ މައްސަލަތަކަކާ ގުޅޭގޮތުން މުޖްތަމަޢަށް އެކަށީގެންވާ ސަލާމަތްތެރިކަން ހޯދައިދިނުމަށް، ނުވަތަ މައްސަލައަކާ ނުވަތަ މައްސަލަތަކަކާ ގުޅިގެން ޓެލެކޮމިއުނިކޭށަންގެ ސިނާޢަތުގެ ބައިވެރިންގެ ތެރެއިން ކަމާގުޅޭ ދާއިރާގައި އުޅޭ ބައިވެރިންގެ ޢަމަލުތައް ތަންޒީމުކުރުމަށްޓަކައި ކޮންމެހެން ކަނޑައަޅަންޖެހޭ މިންގަނޑެއްކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވޭ މިންގަނޑެއްކަމަށް ވާންވާނެއެވެ.

 

32 ވަނަ މާއްދާ – ސިނާއަތުގެ މިންގަނޑުތަކަށް އުނިއިތުރު ގެނައުމާއި ބާތިލްކުރުން

މައްސަލައަކާ ނުވަތަ މައްސަލަތަކަކާ ގުޅޭގޮތުން މުޖްތަމަޢަށް އެކަށީގެންވާ ސަލާމަތްތެރިކަން ހޯދައިދިނުމަށް، ނުވަތަ ޓެލެކޮމިއުނިކޭށަންގެ ސިނާޢަތުގެ ބައިވެރިންގެ ތެރެއިން ކަމާގުޅޭ ދާއިރާގައި އުޅޭ ބައިވެރިންގެ ޢަމަލުތައް ތަންޒީމުކުރުމަށް، އޮތޯރިޓީގައި ރަޖިސްޓަރީކޮށްފައިވާ ސިނާޢަތުގެ މިންގަނޑަކަށް ކޮންމެހެން އުނިއިތުރު ގެންނަންޖެހޭކަމަށް ނުވަތަ ބާތިލުކުރަންޖެހޭކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވިއްޖެނަމަ، އޮތޯރިޓީގެ ލިޔުމަކުން އެ މިންގަނޑަކަށް އުނިއިތުރު ގެނެސް އަދި  ބާތިލުކުރުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

33 ވަނަ މާއްދާ – ސިނާއަތުގެ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރުން

(ހ) ޓެލެކޮމިއުނިކޭށަންގެ ސިނާޢަތުގެ މިންގަނޑުތަކަކީ ޓެލެކޮމިއުނިކޭށަންގެ ސިނާޢަތުގެ ބައިވެރިންގެ ތެރެއިން ކަނޑައަޅާފައިވާ ދާއިރާއެއްގައި ހަރަކާތްތެރިވާ ބައިވެރިންގެ މައްޗަށް ހިންގޭ، މި ބާބުގެ ދަށުން ރަސްމީކޮށް ރަޖިސްޓަރީކޮށް، ހުއްދަދެވިފައިވާ މިންގަނޑެއްނަމަ، ޓެލެކޮމިއުނިކޭށަންގެ ސިނާޢަތުގެ އެ ދާއިރާއެއްގައ ި ހަރަކާތްތެރިވާ ބައިވެރިން، އެ މިންގަނޑާ އެއްގޮތަށް ޢަމަލުކުރަންވާނެއެވެ.

(ށ) މި ބާބުގެ ދަށުން ކަނޑައަޅާފައިވާ ސިނާޢަތުގެ މިންގަނޑަކާ އެއްވެސް ފަރާތަކުން ހިލާފުވެއްޖެނަމަ އެފަރާތަކަށް އޮތޯރިޓީން ރަސްމީ އިންޒާރެއް ދިނުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

 

ހަތަރުވަނަ ބައި

އިންޓަރކަނެކްޓްކުރުން

 

އެއްވަނަ ބާބު

އިންޓަރކަނެކްށަން

 

34 ވަނަ މާއްދާ – އިންޓަރކަނެކްށަނެއްގައި ފުރިހަމަވާންޖެހޭ ކަންކަން

(ހ) އޮތޯރިޓީން އަންގައިފިނަމަ، ކެރިއަރެއް ނުވަތަ ހިދުމަތްދޭ ފަރާތަކުން އެފަރާތުން ފޯރުކޮށްދޭ ޓެލެކޮމިއުނިކޭށަންގެ ހިދުމަތްތަކާއި އެފަރާތުގެ މިލްކުގައިވާ ނުވަތަ އެފަރާތުން ބަލަހައްޓާ ޓެލެކޮމިއުނިކޭށަންގެ ނެޓްވަރކްތައް އެހެން ފަރާތްތަކުގެ ހިދުމަތްތަކާއި ނެޓްވަރކްތަކާ އިންޓަރކަނެކްޓްކުރަންވާނެއެވެ. އިންޓަރކަނެކްޓްކުރެވޭ ފަރާތްތަކުގެ ތެރޭގައި ލައިސަންސް ލިބިފައިވާ ފަރާތްތަކާއި މި ގާނޫނުގެ ދަށުން ލައިސަންސް ހޯދުމަށް އިސްތިސްނާކުރެވޭ ފަރާތްތައްވެސް ހިމެނެއެވެ.

(ށ) އިންޓަރކަނެކްޓްކުރުމުގެ ކަންތައް ވީހާ އަވަހަކަށް ކުރުމަށާއި އިންޓަރކަނެކްޓްކުރުމާބެހޭ ކަންކަމަށް ހިނގާ ހަރަދާ އެކަށީގެންވާ ގޮތަކަށް އެކަމަށް އަގު ނެގުމަށް ލައިސަންސް ލިބިފައިވާ ފަރާތުން މަސައްކަތްކުރަންވާނެއެވެ.

(ނ) އިންޓަރކަނެކްޓްކުރުމަށް ބޭނުންވާ ވަސީލަތްތަކާއި ހިދުމަތްތައް މި މާއްދާގެ (ހ) ގައި އިންޓަރކަނެކްޓްކުރެވޭ ފަރާތްތައް ކަމަށް ހަވާލާދީފައިވާ ޓެލެކޮމިއުނިކޭށަންގެ ހިދުމަތް ފޯރުކޮށްދޭ އެހެނިހެން ފަރާތްތަކަށް ލައިސަންސް ލިބިފައިވާ ފަރާތުން ފޯރުކޮށްދޭންވާނެއެވެ.

(ރ) ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ބާބުގެ ބޭނުމަށްޓަކައި އަންނަނިވި ލަފްޒުތަކާއި ޢިބާރާތްތަކަށް ދީފައި އެވަނީ، އެ ލަފްޒުތަކާއި ޢިބާރާތްތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

  1. "އިންޓަރކަނެކްޓްކުރުން" ކަމަށް ބުނެފައި އެވަނީ، ނެޓްވަރކްތަކެއްގެ މެދުގައ ި ނުވަތަ ހިދުމަތްތަކެއްގެ މެދުގައ ި ނުވަތަ ނެޓްވަރކްގެ މާއްދާތަކެއްގެ މެދުގައި މުއާސަލާތެއް، މެސެޖެއް ނުވަތަ ސިގްނަލެއް ފޯރުވައިދެވޭ ގޮތަށް ގާއިމުކުރެވޭ ގުޅުމަށެވެ. މީގެ ތެރޭގައި، ނެޓްވަރކަކަށް ނުވަތަ ހިދުމަތަކަށް ގުޅާލެވޭ ގުޅުމާއި، ނެޓްވަރކްތަކެއްގެ މެދުގައި ނުވަތަ ހިދުމަތްތަކެއްގެ މެދުގައި ނުވަތަ ނެޓްވަރކަކާއި ހިދުމަތަކާ ދެމެދު ގުޅާލެވޭ ގުޅުންވެސް ހިމެނެއެވެ.
  2. "ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ހިދުމަތުގެ އެންމެހައި ބައިތައް ހިމެނޭގޮތަށެވެ.

 

35 ވަނަ މާއްދާ – އޮތޯރިޓީން އިންޓަރކަނެކްށަންގެ ށަރުތުތައް ކަނޑައެޅުން

(ހ) 2 (ދޭއް) ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކެއްގެ މެދުގައި އަންނަނިވި ކަންކަން ކުރުމަށް، މި މާއްދާގެ (ށ) އާ ހިލާފުނުވާ ގޮތެއްގެމަތިން އިންޓަރކަނެކްޓްކުރުމުގެ ށަރުތުތައް އޮތޯރިޓީއަށް ކަނޑައެޅިދާނެއެވެ.

  1. މި ގާނޫނުގެ ދަށުން ލައިސަންސް ލިބިފައިވާ ފަރާތްތަކާއި މި ގާނޫނު ދަށުން އިސްތިސްނާކުރެވޭ  ފަރާތްތަކުގެ ޓެލެކޮމިއުނިކޭށަންގެ ނެޓްވަރކްތަކެއް  ނުވަތަ ޓެލެކޮމިއުނިކޭށަންގެ ހިދުމަތްތަކެއްގެ މެދުގައި އިންޓަރކަނެކްޓްކުރުން؛
  2. ޓެކްނިކަލްގޮތުން އެކަށީގެންވާ، ކޮންމެ ވަގުތެއްގައިމެ ވަކި ހިދުމަތެއް ނުވަތަ ވަކި ނެޓްވަރކް ވަސީލަތެއް އިސްތިސްނާ ނުވާނެ ގޮތެއްގެމަތިން، ޓެލެކޮމިއުނިކޭށަންގެ ވަސީލަތެއް ނުވަތަ ޓެލެކޮމިއުނިކޭށަންގެ ހިދުމަތެއް، ޓެލެކޮމިއުނިކޭށަންގެ ނެޓްވަރކެއްގެ ބަޔަކާ އިންޓަރކަނެކްށަނެއް ހެދުން ނުވަތަ އެ ނެޓްވަރކްތަކަށް ވަދެވޭ ގޮތަށް ހެދުން؛
  3. މި މާއްދާގެ (ހ) ގެ ދަށުން ނުވަތަ މި މާއްދާގެ (ށ) ގެ ދަށުން ޓެލެކޮމިއުނިކޭށަންގެ ހިދުމަތެއް ފޯރުކޮށްދިނުމާގުޅޭ ކަންކަން.

(ށ) އަންނަނިވި ހާލަތުތަކުގައި އިންޓަރކަނެކްށަން ގާއިމުކުރުމަށް އޮތޯރިޓީއަށް ކަނޑައެޅިދާނެއެވެ.

  1. އިންޓަރކަނެކްށަން ގާއިމުކުރުމަށް އެދޭ ފަރާތަކުން އިންޓަރކަނެކްށަން ގާއިމުކުރަން ބޭނުންވާ ފަރާތާ ތަކުރާރުކޮށް، އެކަށީގެންވާ މިންވަރަކަށް މަށްވަރާ ކުރުމުންވެސް އިންޓަރކަނެކްށަންގެ ށަރުތުތަކާމެދު ދެފަރާތުން އެއްބަސްވުމަކަށް  ނާދެވުމުގެ ސަބަބުން، އެފަރާތުން އިންޓަރކަނެކްށަނެއް ގާއިމުކުރުމަށް އެދި އޮތޯރިޓީއަށް ހުށަހެޅުމުން؛ ނުވަތަ
  2. އިންޓަރކަނެކްށަނެއް ގާއިމުކުރުމަށް އެދިފައި ނެތް ނަމަވެސް އިންޓަރކަނެކްށަނެއް ގާއިމުކުރުމަކީ ޢާންމުންނަށް ފައިދާހުރި ކަމެއް ކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވުން. (ދެފަރާތުގެ މެދުގައި އިންޓަރކަނެކްށަނެއް ގާއިމުކުރުމާ ބެހޭގޮތުން އެއްބަސްވެފައިވާ ހާލަތުތަކުގައި ށައްކުތައް ފިލުވުމުގެގޮތުން ކަނޑައަޅާ ކަނޑައެޅުން މި މާއްދާގެ ތެރޭގައި ހިމެނޭނެއެވެ.)

(ނ) އިންޓަރކަނެކްށަނެއް ކަނޑައެޅުމުގެ ށަރުތުތަކުގެ ތެރޭގައި، ލައިސަންސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ކަމާބެހޭ ފަރާތްތަކާ މަށްވަރާކުރުމަށްފަހު، އޮތޯރިޓީއަށް ފެންނަ، އެކަށީގެންވާ އިންސާފުވެރި ފަންނީ ނުވަތަ މާއްދީ ނުވަތަ ފައިސާއާބެހޭ ށަރުތުތަކެއް ހިމެނިދާނެއެވެ.

(ރ) އިންޓަރކަނެކްށަނެއް ގާއިމުކުރުމަށް އޮތޯރިޓީން ކަނޑައަޅާއިރު، އެ އިންޓަރކަނެކްށަންގެ އަގުތައް ބިނާވެފައި އޮންނަންވާނީ އިންޓަރކަނެކްށަންގެ ސަބަބުން ކުރަންޖެހޭ ކަމާބެހޭ ހަރަދުތަކަށް ބަލައި، އެކަށީގެންވާ އިންސާފުވެރި އަސާސެއްގެ މައްޗަށެވެ. މިގޮތުން އިންޓަރކަނެކްށަންގެ ސަބަބުން ކުރަންޖެހޭ ހަރަދުތަކަށާއި އެ ހަރަދުތައް ހިސާބުކުރުމުގައި ގެންގުޅޭ އުސޫލުތަކަށް ބަލައި، އެ އުސޫލުތަކުގެ ތެރެއިން އޮތޯރިޓީގެ ނަޒަރުގައި ކަމާގުޅޭ އެކަށީގެންވާ އެންމެ އިންސާފުވެރި އުސޫލެއް އިހްތިޔާރުކުރުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

36 ވަނަ މާއްދާ – އިންޓަރކަނެކްށަން އެއްބަސްވުންތައް އޮތޯރިޓީއަށް ހުށަހެޅުމާއި ށާއިއުކުރުން

(ހ) އިންޓަރކަނެކްށަން އެއްބަސްވުމެއް ހެދޭތާ 14 (ސާދަ) ދުވަހުގެ ތެރޭގައި، އެ އެއްބަސްވުމުގައި ބައިވެރިވާ ފަރާތްތަކުން އެ އެއްބަސްވުމުގެ ކޮޕީއެއް އޮތޯރިޓީއަށް ފޮނުވަންވާނެއެވެ.

(ށ) އަންނަނިވި ކަންކަން ފުރިހަމަވާނަމަ، އިންޓަރކަނެކްށަން އެއްބަސްވުން، އޮތޯރިޓީގެ ފަރާތުން ޢާންމުކޮށް ށާއިޢުކުރެވިދާނެއެވެ.

  1. އެކަމަކީ ޢާންމު މަސްލަހަތެއް ހުރިކަމެއް ކަމަށް އޮތޯރިޓީއަށް ފެނުން؛ އަދި
  2. އެއްބަސްވުން ށާއިޢުކުރުމުގެ ކުރިން، އެއްބަސްވުމުގެ ބައިބައިގެ ތެރެއިން ށާއިޢުކޮށްގެންނުވާނެ ބައިބަޔާ ބެހޭގޮތުން ހިޔާލު ހުށަހެޅުމުގެ ފުރުސަތު އެ އެއްބަސްވުމުގައި ބައިވެރިވާ ފަރާތްތަކަށް ހުޅުވާލެވިފައިވުން.

 

37 ވަނަ މާއްދާ – އިންޓަރކަނެކްށަނާބެހޭ ގައިޑްލައިންތައް

(ހ) ލައިސަންސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ކަމާބެހޭ ފަރާތްތަކާ މަށްވަރާކުރުމަށްފަހު، އިންޓަރކަނެކްށަން ފަސޭހަކަމާއި އިތުބާރުހިފޭ ގޮތަކަށް ހިންގުމަށްޓަކައި ގައިޑްލައިންތަކެއް އޮތޯރިޓީން ކަނޑައެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހަދާ ގައިޑްލައިންތަކަށް ލައިސަންސް ލިބިފައިވާ ފަރާތްތަކުން ހުރުމަތްތެރިކޮށް ހިތައި، އެއާ އެއްގޮތަށް ޢަމަލުކުރަމުން ގެންދަންވާނެއެވެ.

 

ދެވަނަ ބާބު

ވަސީލަތްތައް ހިއްސާކުރުން

 

38 ވަނަ މައްދާ – ވަސީލަތްތައް ހިއްސާކުރުމުގެ ޒިންމާ

(ހ) ތިމާވެއްޓަށް ކުރާ އަސަރު ކުޑަކުރުމަށާއި، އިގްތިސާދުކުރުމާ ހިލާފު ޢަމަލުތަކުން ރައްކާތެރިވުމަށްޓަކައި، ޢާންމު އުސޫލެއްގެގޮތުން ޓެލެކޮމިއުނިކޭށަނާބެހޭ މާއްދީ ނުވަތަ ފަންނީ ވަސީލަތްތައް އިންސާފުވެރި ށަރުތުތަކެއްގެ މަތިން ހިއްސާކުރުމުގައި، އެއް ކެރިއަރ އަނެއް ކެރިއަރަށް އެއްބާރުލުން ދޭންވާނެއެވެ.

(ށ) ލައިސަންސް ލިބިފައިވާ ފަރާތަކުން ނެޓްވަރކްގެ ވަސީލަތެއް ނުވަތަ އެހެނިހެން ވަސީލަތެއް، ލައިސަންސް ލިބިފައިވާ އެހެން ފަރާތަކާއެކު ހިއްސާކުރުމަށް އެދިއްޖެނަމަ، އެދުނު ފަރާތާއި އެދެވުނު ފަރާތާ ދެމެދު މަށްވަރާކޮށް، އެ ވަސީލަތެއް ހިއްސާކުރުމާއި، ބޭނުންކުރުމުގެ އިންސާފުވެރި ބަދަލެއް އެދެވުނު ފަރާތަށް ލިބޭނެ ގޮތުގެމަތިން، ދެފަރާތުން ރުހޭ އިންސާފުވެރި އެއްބަސްވުމަކަށް އައުމަށް ވެވެންހުރި ހުރިހާ މަސައްކަތެއް ދެފަރާތުންމެ ކުރަންވާނެއެވެ.

(ނ) ހިއްސާކުރާ ވަސީލަތްތަކުގެ ތެރޭގައި، ލައިސަންސް ލިބިފައިވާ ފަރާތުން ބޭނުންކުރާ ތަނެއް، ނުވަތަ ޢިމާރާތެއް، ނުވަތަ ސަރަހައްދެއް ހިމެނިދާނެއެވެ.

(ރ) ވަސީލަތްތައް ހިއްސާކުރުމާ ބެހޭގޮތުން ލައިސަންސް ލިބިފައިވާ ފަރާތްތަކުން އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، އޮތޯރީޓީއަށް އަންނަނިވި ކަންކަން ކުރެވިދާނެއެވެ.

  1. މި ގާނޫނުގެ 39 ވަނަ މާއްދާގައިވާ ގޮތުގެމަތިން ނުވަތަ އެނޫން ގޮތަކަށް، ވަސީލަތް ހިއްސާކުރުމުގެ ށަރުތުތައް ކަނޑައެޅުން؛
  2. މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަނޑައަޅާ ށަރުތުތަކުގެ ތެރޭގައި، އެ ވަސީލަތް ހިއްސާކުރުމުގެ ސަބަބުން، އެދެވުނު ފަރާތަށް ލިބޭ ގެއްލުންތަކަށް އިންސާފުވެރި ބަދަލެއް ހޯދައިދެވޭނެ ގޮތެއް ކަނޑައެޅުން؛
  3. މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ބަދަލުގެ ތެރޭގައި ހިދުމަތްދިނުމަށް ނުވަތަ ވަސީލަތް ހިއްސާކުރުމަށް ނުވަތަ ބޭނުންކުރުމަށް ހިނގާ އިތުރު ހަރަދުތައް ހިމެނުން؛ އަދި
  4. ހިސާބުކުރުމުގައި، ހަރަދު ހިސާބުކުރުމުގެ އެކިއެކި އުސޫލުތަކުގެ ތެރެއިން އިންސާފުވެރިކަމަށް އޮތޯރިޓީއަށް ފެންނަ އުސޫލެއް ހިޔާރުކޮށް، އެ އުސޫލާ އެއްގޮތަށް ޢަމަލުކުރުން.

(ބ) މި ބާބުގެ ބޭނުމަށްޓަކައި "ވަސީލަތް" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ކަންކަން ހިމެނޭގޮތުންނެވެ.

  1.  ކޭބަލާއި، ވަޔަރާއި، ޓެލެކޮމިއުނިކޭށަންގެ ލައިނާއި، ހޮޅިއާއި، ހޮރާއި، މޭންހޯލް؛
  2. ޓަވަރާއި، އެންޓެނާއާއި، ދަނޑިއާއި، މާސްޓް؛
  3. ބިމާއި، ޢިމާރާތާއި، ރޭޑިއޯ ކޮމިއުނިކޭށަންގެ ވަސީލަތްތައް ހަރުކޮށްފައި ހުންނަ އިކުއިޕްމަންޓްތައް؛
  4. ލައިސަންސް ލިބިފައިވާ ފަރާތުގެ އެކްސްޗޭންޖް ޢިމާރާތުގައި ނުވަތަ ސައިޓުގައި ހުރި އެފަރާތުގެ ނެޓްވަރކް ވަސީލަތްތަކާއި ލައިސަންސް ލިބިފައިވާ އެހެން ފަރާތަކާ ދެމެދު އިންޓަރކަނެކްށަނެއް ގާއިމުކުރަން އެދޭ ފަރާތުގެ އިކުއިޕްމަންޓްތައް ބެހެއްޓުމަށް، ހިއްސާކުރުން ބަލައިގަންނަ ފަރާތުގެ އެކްސްޗޭންޖް ޢިމާރާތުގައި ނުވަތަ ސައިޓުގައި އޮތް އެކަށީގެންވާ މިންވަރުގެ ޖާގަ؛
  5. ޓެލެކޮމިއުނިކޭށަންގެ ނެޓްވަރކްގެ ހިދުމަތެއް  އެކަށީގެންވާ ފެންވަރެއްގައި ދިނުމަށް އިންސްޓޯލްކުރަންޖެހޭ އިން-ބިލްޑިންގ ރައިޒަރސްއާއި، ކޭބަލް ޓްރޭއާއި ކޭބަލް ޕޮއިންޓްތަކާއި އިންސްޓޯލްކުރަންޖެހޭ އެހެނިހެން ތަކެތި؛ އަދި
  6. ހިއްސާކުރާ ވަސީލަތް، އެ ވަސީލަތް ހިއްސާކުރާ ފަރާތްތަކަށް އެކަށީގެންވާ ފެންވަރެއްގައި ބޭނުންކުރުމަށް އެ ވަސީލަތް ގާއިމުކޮށްފައިވާ ޢިމާރާތަށް ނުވަތަ ތަނަށް ނުވަތަ ސަރަހައްދަށް ފޯރުކޮށްދޭންޖެހޭ އިތުރު ހިދުމަތްތައް.

 

39 ވަނަ މާއްދާ – ވަސީލަތްތައް ހިއްސާކުރުމަށް އޮތޯރިޓީން އެންގުން

(ހ) އަންނަނިވި ހާލަތުތަކުގައި އޮތޯރިޓީން ކަނޑައަޅާ ށަރުތުތަކެއްގެމަތިން، ލައިސަންސް ލިބިފައިވާ ފަރާތަކުން އެފަރާތުން ބޭނުންކުރާ ނުވަތަ އެފަރާތުގެ މިލްކުގައިވާ ވަސީލަތެއް ލައިސަންސް ލިބިފައިވާ އެހެން ފަރާތަކާއެކު ހިއްސާކުރުމަށް ނުވަތަ ހިއްސާކުރުމުގައި ބައިވެރިވުމަށް ނުވަތަ އެކަންކަން ވިލަރެސްކުރުމަށް އޮތޯރިޓީން އެންގިދާނެއެވެ.

  1. ލައިސަންސް ލިބިފައިވާ ފަރާތުން، ލައިސަންސް ލިބިފައިވާ އެހެން ފަރާތެއް ބޭނުންކުރާ، ނުވަތަ އެފަރާތުގެ މިލްކުގައިވާ ވަސީލަތެއް ހިއްސާކުރަން އެދުމުން، އެކަމާ ބެހޭގޮތުން ދެފަރާތުގެ ދެމެދުގައި މަށްވަރާކުރެވި، އޮތޯރިޓީގެ ނަޒަރުގައި އެކަށީގެންވާ މިންވަރަކަށް މަސައްކަތް ކުރުމުންވެސް އެ ވަސީލަތް ހިއްސާކުރާނެ ގޮތަކާމެދު ދެފަރާތުން އެއްބަސްނުވެވުން؛ ނުވަތަ
  2. އެކަމަކީ ޢާންމު މަސްލަހަތެއް އޮތް ކަމެއް ކަމަށް އޮތޯރިޓީން ކަނޑައަޅާފައިވާ ކަމަކަށްވުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ޢާންމު މަސްލަހަތަކަށްޓަކައި އެންގުމެއް އެންގުމުގެ ކުރިން، ލައިސަންސް ލިބިފައިވާ ފަރާތްތަކުން ނުވަތަ އެހެން ފަރާތްތަކުން އެކަމާ ބެހޭގޮތުން ހުށަހެޅުންތަކާއި ހިޔާލުތައް ހުށަހެޅުމަށް ފުރުސަތުދީ، އެކަމަކީ ޢާންމު މަސްލަހަތެއް އޮތް ކަމެއްކަން ނުވަތަ ނޫންކަން ނިންމުމުގައި ހުށަހެޅިފައިވާ ހިޔާލުތަކާއި ހުށަހެޅުންތަކަށް އޮތޯރިޓީން ރިޢާޔަތްކުރަންވާނެއެވެ.

(ނ) ޢާންމު މަސްލަހަތެއް އޮތުމުގެ ސަބަބުން ވަސީލަތެއް ހިއްސާކުރުމަށް މި މާއްދާގެ (ހ) ގެ ދަށުން އެންގުމުގައި އަންނަނިވި ކަންކަމަށް އޮތޯރިޓީން ބަލަންވާނެއެވެ.

  1. އެ ވަސީލަތަކީ 'ބޮޓްލްނެކް' ވަސީލަތެއްކަން ނުވަތަ ނޫންކަން؛
  2. އެ ވަސީލަތުގެ ބަދަލުގައި އެހެން ވަސީލަތެއް ބޭނުންކުރުމަކީ ނުވަތަ އެފަދަ އެހެން ވަސީލަތެއް ހެދުމަކީ ފަސޭހަކަމާއެކު ކުރެވިދާނެ ކަމެއްކަން ނުވަތަ ނޫންކަން؛
  3. ފަންނީގޮތުން އެ ވަސީލަތުގެ ބަދަލުގައި ބޭނުންކުރެވޭނެ އެހެން ގޮތެއް އޮތްކަން ނުވަތަ ނޫންކަން؛
  4. ލައިސަންސް ލިބިފައިވާ ފަރާތުން ފޯރުކޮށްދޭ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި، އެ ވަސީލަތުގެ މުހިންމުކަން؛
  5. އެ ވަސީލަތެއްގެ ވެރިފަރާތުން ނުވަތަ ލައިސަންސް ލިބިފައިވާ ފަރާތުން އެ ވަސީލަތަކުން މިހާރު ކުރާ ބޭނުމާއި، މުސްތަގްބަލުގައި ކުރާނެ ބޭނުންތަކަށް ބަލައި، އެ ވަސީލަތުގައި އިތުރު ޖާގަ ހުރިކަން ނުވަތަ ނެތްކަން؛
  6. ވަސީލަތުގެ ބޭނުން ގިނަ ފަރާތްތަކެއް ގުޅިގެން ކުރުމުގެ ސަބަބުން ހިދުމަތްތައް އިތުބާރުހިފޭ ގޮތެއްގައި ފުރިހަމައަށް ދިނުމުގައި އިތުރު ބާރެއް ލިބޭނެކަން ނުވަތަ ނޫންކަން؛ އަދި
  7. އެ ވަސީލަތެއް ހިއްސާނުކޮށްފިނަމަ، ލައިސަންސް ލިބިފައިވާ ފަރާތަށާއި ޢާންމުންނަށް އެކަމުގެ ސަބަބުން ދިމާވާނެ އުނދަގޫތަކާއި ފައިދާތަކާއި އެކަމުގެ ސަބަބުން އިތުރަށް ހިނގާ ވަގުތާއި ހަރަދު.

 

40 ވަނަ މާއްދާ – ހިދުމަތްތަކާއި ވަސީލަތްތައް ޑިކްލެއަރކުރުން

(ހ) މި ގާނޫނުގެ ހަތަރުވަނަ ބައިގެ އެއްވަނަ ބާބުގައިވާ ކަންކަން ހިންގުމަށް ދަތިނުވާނެ ގޮތުގެމަތިން ޓެލެކޮމިއުނިކޭށަންގެ ހިދުމަތެއް، ނުވަތަ ނެޓްވަރކް ވަސީލަތެއް ނުވަތަ ޓެލެކޮމިއުނިކޭށަންގެ ހިދުމަތް ފޯރުކޮށްދޭ އެހެނިހެން ވަސީލަތެއް ނުވަތަ ހިދުމަތަކީ މުހިންމު ހިދުމަތެއް ނުވަތަ ވަސީލަތެއް ކަމަށް އޮތޯރިޓީއަށް ކަނޑައެޅިދާނެއެވެ.

(ށ) މި މާއްދާގެ ދަށުން މުހިންމު ހިދުމަތެއްކަމަށް ކަނޑައަޅާފައިވާ ހިދުމަތް ފޯރުކޮށްދޭ ފަރާތުން (ހިދުމަތް ފޯރުކޮށްދޭ ފަރާތް) މި މާއްދާގައި ބަޔާންކޮށްފައިވާ ޒިންމާތައް ފުރިހަމައަށް އަދާކުރަންވާނެއެވެ. އަދި މިގޮތުން ކަނޑައެޅޭ ޒިންމާތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެންވާނެއެވެ.

  1. ހިދުމަތެއް ހޯދުމަށް އެދޭ، ލައިސަންސް ލިބިފައިވާ ފަރާތުން (ހިދުމަތް ހޯދަންއެދޭ ފަރާތް) ހިދުމަތް ހޯދުމަށް އެދި ލިޔުމުން ހުށަހެޅުމުން، އެ ހިދުމަތް ފޯރުކޮށްދިނުމުގައި ތަފާތުކުރުމެއް ނެތި، ހަމަހަމަ އުސޫލަކުން، އެކަށީގެންވާ ށަރުތުތަކެއްގެމަތިން ހިދުމަތް ފޯރުކޮށްދިނުން؛
  2. މުހިންމު ހިދުމަތެއްކަމަށް ކަނޑައަޅާފައިވާ ހިދުމަތް، ހިދުމަތް ހޯދަން އެދޭ ފަރާތަށް ފޯރުކޮށްދިނުމުގައި، ހިންގުމުގެ ފެންވަރާއި ފަންނީ ފެންވަރަކީ އެ ހިދުމަތް ފޯރުކޮށްދޭ ފަރާތުން އޭނާ އަމިއްލައަށް އެ ހިދުމަތް ލިބިގަންނަ ފެންވަރުގެ ނުވަތަ އެއަށްވުރެ ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދޭ ހިދުމަތެއްކަން ޔަގީންކުރުން؛
  3. އިންޓަރކަނެކްޓްކުރެވޭ ހިދުމަތަށް މައްސަލައެއް ދިމާވުމުން އެ މައްސަލަ ދެނެގަނެ ހައްލުކުރުމަށްދޭ ނިޒާމަކީ އޭނާ އަމިއްލައަށް ބޭނުންކުރާ ނިޒާމާއި އެއް ފެންވަރުގެ ނުވަތަ އެއަށްވުރެ ރަނގަޅު ފެންވަރެއްގެ ނިޒާމެއްތޯ ޔަގީންކުރުން؛
  4. ހިދުމަތް ފޯރުކޮށްދޭ ފަރާތުގެ ވަސީލަތްތަކާއެކު އިންޓަރކަނެކްށަނެއް ގާއިމުކުރުމުގެ ހުއްދަދިނުން؛
  5. މުހިންމު ހިދުމަތެއްކަމަށް ކަނޑައަޅާފައިވާ ހިދުމަތެއް ފޯރުކޮށްދިނުމާ ގުޅިގެން އެ ހިދުމަތަށް ބިލްކުރުމާބެހޭ މަޢުލޫމާތު ފޯރުކޮށްދިނުން؛ އަދި
  6. މީގެ އިތުރުންވެސް، އޮތޯރިޓީން ލިޔުމަކުން ކަނޑައަޅައި، ހިދުމަތް ފޯރުކޮށްދިނުމުގެ ޒިންމާތަކާއި މިންގަނޑުތަކާ އެއްގޮތަށް ޢަމަލުކުރުން.

 

ފަސްވަނަ ބައި

ޔުނިވަރސަލް ހިދުމަތް ފޯރުކޮށްދިނުމުގެ ޒިންމާ

 

41 ވަނަ މާއްދާޔުނިވަރސަލް ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް

ކެރިއަރަކަށް ނުވަތަ ކެރިއަރުތަކަކަށް ޔުނިވަރސަލް ހިދުމަތެއް ފޯރުކޮށްދިނުމަށް އޮތޯރިޓީން އެންގިދާނެއެވެ.

 

42 ވަނަ މާއްދާޔުނިވަރސަލް ހިދުމަތް ފޯރުކޮށްދިނުމުގެ ޒިންމާ

(ހ) ޔުނިވަރސަލް ހިދުމަތެއް ފޯރުކޮށްދިނުމުގެ ޒިންމާއަކީ، އޮތޯރިޓީން ކަނޑައަޅާ ގޮތެއްގެމަތިން، ފެންވަރު ރަނގަޅު، އިތުބާރުހުރި އަދި މެދުނުކެނޑޭ ގޮތެއްގައި ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތެއް، އޮތޯރިޓީން ގަބޫލުކުރާ ފެންވަރަކަށް، ރާއްޖޭގެ ސަރަހައްދުގައިވާ ހުރިހާ އެންމެންނަށް އެކަށީގެންވާ ގޮތެއްގައި، އިންސާފުވެރި ގޮތަކަށް ފޯރުކޮށްދިނުމުގެ ޒިންމާއެވެ.

(ށ) މި ބައިގެ ބޭނުމަށް "އަސާސީ ހިދުމަތެއް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން މިނިސްޓަރު ނުވަތަ މިނިސްޓަރު އަންގާ ގޮތެއްގެމަތިން އޮތޯރިޓީން، އަސާސީ ހިދުމަތެއް ކަމަށް ކަނޑައަޅާ ހިދުމަތްތަކެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ކަނޑައަޅާ އަސާސީ ހިދުމަތްތައް އޮތޯރިޓީން ހިދުމަތްދޭ ފަރާތްތަކަށް އަންގައި ޢާންމުކޮށް ށާއިޢުކުރަންވާނެއެވެ.

 

43 ވަނަ މާާއްދާ – ޔުނިވަރސަލް ހިދުމަތެއް ދިނުމަށް މާލީގޮތުން ދެވޭ  އެހީ

މި ގާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަންޑު ހިންގުމާއި، ޔުނިވަރސަލް ހިދުމަތެއް ފޯރުކޮށްދިނުމުގެ ޒިންމާ އަދާކުރުމުގައި، އެ ހިދުމަތް ފޯރުކޮށްދޭ ފަރާތުން ކުރަންޖެހޭ ހަރަދުތަކުގައި ލައިސަންސް ލިބިފައިވާ ފަރާތްތަކުން މާލީގޮތުން ބައިވެރިވާނެ ގޮތުގެ ގޮތްތަކާއި އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި އޮތޯރިޓީން އެކަށައަޅައި، ގާއިމުކުރެވިދާނެއެވެ.

 

44 ވަނަ މާއްދާ – ޔުނިވަރސަލް ސަރވިސްގެ ފަންޑު

(ހ) ޔުނިވަރސަލް ހިދުމަތެއް ފޯރުކޮށްދިނުމުގެ ޒިންމާ އުފުލާ ކެރިއަރ ނުވަތަ ކެރިއަރުތަކަށް ދިނުމަށް، މި ގާނޫނުގެ 43 ވަނަ މާއްދާގެ ދަށުން ޖަމާކުރެވޭ މާލީ އެހީ، އެ ކެރިއަރާ ނުވަތަ ކެރިއަރުތަކާ ހަވާލުކުރުމުގެ ކުރިން ރައްކާކޮށް ބެލެހެއްޓުމަށްޓަކައި، އޮތޯރިޓީން ފަންޑެއް ގާއިމުކޮށް، ބެލެހެއްޓިދާނެއެވެ.

(ށ) އޮތޯރިޓީން މި މާއްދާގެ (ހ) ގެ ދަށުން ގާއިމުކުރާ ފަންޑު ބެލެހެއްޓުމަށް ހިނގާ ހަރަދު ފަންޑުގެ ތެރެއިން ހޯދިދާނެއެވެ.

(ނ) އޮތޯރިޓީން މި މާއްދާގެ (ހ) ގެ ދަށުން ގާއިމުކުރާ ފަންޑު ހިންގައި ބެލެހެއްޓުން އެހެން ފަރާތަކާ ހަވާލުކުރެވިދާނެއެވެ. މިގޮތުން ފަންޑު ހިންގުމަށް އެހެން ފަރާތަކާ ހަވާލުކުރާނަމަ، އެ ފަންޑު ހިންގުމުގެ ށަރުތުތައް އޮތޯރިޓީން ކަނޑައަޅަންވާނެއެވެ.

 

45 ވަނަ މާއްދާ - މުރާޖައާކުރުން

ޔުނިވަރސަލް ހިދުމަތްތަކުގެ ތެރޭގައި އެކުލެވިގެންވަނީ ކޮންކޮން ހިދުމަތްތަކެއްކަމާއި، މި ބައިގެ މަސައްކަތް ހިނގަމުންދާގޮތް ބަޔާންކޮށް، ކޮންމެ މާލީ އަހަރެއް ނިމުމުގެ ކުރިން، އެއިރުގެ ހާލަތު މުރާޖަޢާކޮށް، އޮތޯރިޓީން ރިޕޯޓެއް ތައްޔާރުކޮށް، ރައްޔިތުންގެ މަޖިލީހަށާއި މިނިސްޓަރަށް ފޮނުވަންވާނެއެވެ.

  

ހަވަނަ ބައި

ހިދުމަތް ހޯދާ ފަރާތަށް ލިބިދޭންޖެހޭ ހިދުމަތްތަކާއި އެފަރާތްތަކުގެ މުއާސަލާތްތައް ހިމާޔަތްކުރުން

 

އެއްވަނަ ބާބު

ހިދުމަތުގެ ފެންވަރު

 

46 ވަނަ މާއްދާހިދުމަތް ލިބިގަންނަ ފަރާތަށް ދެވޭ ހިދުމަތް

(ހ) ލައިސަންސް ލިބިފައިވާ ފަރާތުން ހިދުމަތް ލިބިގަންނަ ފަރާތާ އެކަށީގެންވާ ގޮތަކަށް މުޢާމަލާތްކޮށް، ހިދުމަތް ލިބިގަންނަ ފަރާތްތަކުން ކުރާ ށަކުވާތަކާ ގުޅިގެން އެކަންކަން ރަނގަޅުކުރުމަށް އެކަށީގެންވާ ފިޔަވަޅުތައް އަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) އާ ހިލާފުވެއްޖެނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، އެމީހަކު 100,000 (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ނ) ލައިސަންސްގެ ށަރުތެއްގެ ގޮތުގައި ނުވަތަ އޮތޯރިޓީން އަންގާ އެންގުމެއްގެ ސިފައިގައި، ލައިސަންސް ލިބިފައިވާ ފަރާތުން ހިދުމަތް ލިބިގަންނަ ފަރާތްތަކާމެދު ޢަމަލުކުރާނެ ގޮތުގެ އުސޫލެއް ކަނޑައެޅުމަށް، ލައިސަންސް ލިބިފައިވާ ފަރާތަށް އޮތޯރިޓީން އެންގިދާނެއެވެ.

 

47 ވަނަ މާއްދާ - ޕަރފޯމަންސް މިންގަނޑުތައް

(ހ) އަންނަނިވި ކަންކަމާބެހޭ މިންގަނޑުތަކެއް އޮތޯރިޓީގެ ފަރާތުން ހަދައި، އެ މިންގަނޑުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އޮތޯރިޓީން އެންގިދާނެއެވެ.

  1. ކަނޑައަޅާފައިވާ ޓެލެކޮމިއުނިކޭށަންގެ ހިދުމަތެއް، ހިދުމަތް ލިބިގަންނަ ފަރާތަށް ގުޅައިދިނުމަށް އެދި ހުށަހަޅާ ހުށަހެޅުން ލިބުމާއި، އެ ހިދުމަތް ގުޅައިދިނުމާދެމެދު ހިނގާނެ މުއްދަތު؛
  2. ކަނޑައަޅާފައިވާ ޓެލެކޮމިއުނިކޭށަންގެ ހިދުމަތުގެ ބާވަތަކާ ނުވަތަ ބާވަތްތަކަކާ ގުޅިގެން ހިދުމަތް ލިބުމުގެ ދަތިތަކެއް ހުރިކަމަށް ނުވަތަ އެނޫންވެސް މައްސަލައެއް ހުރިކަމަށް ބުނެ، ހިދުމަތް ލިބިގަންނަ ފަރާތުން ރިޕޯޓުކުރާ ވަގުތުން ފެށިގެން އެ މައްސަލައެއް ހައްލުކުރުމަށް ނަގާނެ މުއްދަތު.

(ށ) މި ބާބުގެ ދަށުން ކަނޑައެޅޭ މިންގަނޑަކާ ލައިސަންސް ލިބިފައިވާ ފަރާތަކުން ހިލާފުވެއްޖެނަމަ، ހިދުމަތް ލިބިގަންނަ ފަރާތަށް އެކަމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ލައިސަންސް ލިބިފައިވާ ފަރާތުން ހިދުމަތް ލިބިގަންނަ ފަރާތަށް ލިބިދިނުމުގައި ގެންގުޅޭނެ އުސޫލާއި، ބަދަލުގެ ގޮތުގައި ލައިސަންސް ލިބިފައިވާ ފަރާތުން ޒިންމާވާންޖެހޭ މިންވަރު ނުވަތަ ހިދުމަތް ލިބިގަންނަ ފަރާތަށް ކްރެޑިޓްގެ ގޮތުގައި ދެވިދާނެ މިންވަރާއި، އެކަންކަން ކަނޑައަޅާނެ އުސޫލެއް ނުވަތަ ޢަމަލުކުރަންޖެހޭ ގޮތް، އޮތޯރިޓީގެ ފަރާތުން ކަނޑައެޅިދާނެއެވެ.

(ނ) މި ބާބުގެ ދަށުން ހެދިފައިވާ މިންގަނޑުތަކަށް ކޮންމެ ވަގުތެއްގައިމެ އުނިއިތުރުގެނެސް، ނުވަތަ އެ މިންގަނޑުތައް ބާތިލުކުރުމުގެ އިހްތިޔާރު، އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

48 ވަނަ މާއްދާހިދުމަތް ލިބިގަންނަ ފަރާތްތަކާޖެހޭ މައްސަލަތައް ހައްލުކުރުން

(ހ) ލައިސަންސް ލިބިފައިވާ ފަރާތުން މި ބާބުގެ ދަށުން އެކަށައަޅާފައިވާ ހިދުމަތް ލިބިގަންނަ ފަރާތާ މުޢާމަލާތްކުރާ އުސޫލާ ނުވަތަ މިންގަނޑާ ހިލާފުވުމުގެ ސަބަބުން ނުވަތަ ހިދުމަތް ލިބިގަންނަ ފަރާތަށް ދެވޭ ހިދުމަތާއި، ހިދުމަތް ލިބިގަންނަ ފަރާތަށް ލިބިދޭންޖެހޭ ހިމާޔަތާބެހޭ ކަމެއްގައި ހިދުމަތް ލިބިގަންނަ ފަރާތްތަކުން ކުރާ ށަކުވާތަކާއި ހުށަހަޅާ މައްސަލަތައް ހައްލުކުރުމުގައި މި ގާނޫނުގެ ދަށުން އޮތޯރިޓީއަށް ލިބިފައިވާ ބާރުތައް ބޭނުންކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ށ) ލައިސަންސް ލިބިފައިވާ ފަރާތުން ޢަމަލުކުރާ ނުވަތަ އެފަރާތުގެ މަސައްކަތް ހިންގާ ގޮތާ ދޭތެރޭ ހިތްހަމަނުޖެހޭ ފަރާތްތަކުން އެކަމާގުޅޭ ށަކުވާތައް ކުރުމުގައާއި، ށަކުވާ ބަލައިގަތުމުގައާއި، ށަކުވާތަކާ ބެހޭގޮތުން ޢަމަލުކުރާނެ ގޮތްތަކެއް ނުވަތަ އުސޫލެއް އޮތޯރިޓީގެ ފަރާތުން ކަނޑައެޅިދާނެއެވެ.

 

ދެވަނަ ބާބު

މުއާސަލާތްތައް ހިމާޔަތްކުރުމާއި މުއާސަލާތްތަކުގެ ސިއްރު ހިފެހެއްޓުން

 

49 ވަނަ މާއްދާ – މުއާސަލާތްތަކުގެ ސިއްރު ހިފެހެއްޓުމުގެ ޒިންމާ

(ހ) އޮތޯރިޓީއާއި ލައިސަންސ ް ދޫކުރެވިފައިވާ ފަރާތްތައް ހިމެނޭގޮތުން ޓެލެކޮމިއުނިކޭށަންގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، އެފަރާތްތަކުގެ އޮފިސަރުންނާއި، މުވައްޒަފުންނާއި، އޭޖެންޓުންނާއި، އެފަރާތްތަކަށް ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރާ ފަރާތްތައް، ޓެލެކޮމިއުނިކޭށަންގެ ހިދުމަތްދޭ ދާއިރާގެ ތެރޭގައި އޭނާގެ ވަޒީފާގެ މަސައްކަތާ ގުޅިގެން ލިބިފައިވާ، ތިރީގައި ބަޔާންކުރެވިފައިވާ ކަންތައްތަކާގުޅޭ އެއްވެސް މަޢުލޫމާތެއް ނުވަތަ ލިޔެކިޔުމެއް، ހާމަކޮށްގެންނުވާނެއެވެ.

  1. ހިނގަމުންދާ ނުވަތަ ހިނގާފައިވާ އެއްވެސް މުޢާމަލާތަކާބެހޭ ލިޔެކިޔުން ނުވަތަ އެއްޗެއް (މީގެ ތެރޭގައި ހިދުމަތް ފޯރުކޮށްދޭ ފަރާތަށް ލިބިފައިވާ މަޢުލޫމާތު ނުވަތަ ފޮނުވަންވީ ފަރާތަށް އަދި ނުފޮނުވިވާ މަޢުލޫމާތު ހިމެނެއެވެ.)؛
  2. ހިދުމަތް ފޯރުކޮށްދޭ ފަރާތުން، ޓެލެކޮމިއުނިކޭށަންގެ ހިދުމަތް ފޯރުކޮށްދޭ ނުވަތަ ފޯރުކޮށްދިނުމަށް ރާވާފައިވާ ފަރާތެއް؛ ނުވަތަ
  3. މީހެއްގެ ޒާތީ މަޢުލޫމާތު ނުވަތަ މުއާސަލާތު.

(ށ) މި މާއްދާގެ (ހ) އާ ހިލާފުވެއްޖެ މީހަކު ވަޒީފާއިން ވަކިކުރުމުގެ އިހްތިޔާރު ވަޒީފާދޭ ފަރާތަށް ލިބިގެންވެއެވެ. އަދި މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރާ ހިލާފުވެއްޖެނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، އެކަމެއް ކުރި މީހަކު 100,000 (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ. އަދި މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރާ ހިލާފުވެއްޖެނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، އެކަމެއް ކުރި މީހަކު   1,000,000 (އެއް މިލިއަން) ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

50 ވަނަ މާއްދާ – އިސްތިސްނާ

(ހ) ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި މަޢުލޫމާތެއް ހާމަކުރުމަށް މި ގާނޫނު ހުރަހެއްނާޅައެވެ. އަދި އެއިން ހާލަތެއްގައި މަޢުލޫމާތެއް ހާމަކުރުމަކުން މި ގާނޫނުގެ 49 ވަނަ މާއްދާގެ (ހ) އާ ހިލާފުވީ ކަމަކަށް ނުބެލެވޭނެއެވެ.

  1. ޢާންމުކޮށް ލިބެން ހުންނަ މަޢުލޫމާތު؛
  2. އެ މަޢުލޫމާތެއް ހާމަކުރުމުގެ ހުއްދަ އޭގެ ވެރިފަރާތުން ލިޔުމުން ދީފައިވާ މަޢުލޫމާތު؛
  3. މި ގާނޫނު ހިންގުމުގައި ހަރަކާތްތެރިވާ މުވައްޒަފަކު އެފަދަ އަނެއް މުވައްޒަފަކަށް އެމީހެއްގެ ވަޒީފާ އަދާކުރުމަށް ބޭނުންވެގެން ހާމަކުރާ މަޢުލޫމާތު؛
  4. އެ ފޯރުކޮށްދޭ މަޢުލޫމާތު ނުވަތަ ލިޔުމެއް ފޯރުކޮށްދެނީ، އޮތޯރިޓީ ނުވަތަ ހިދުމަތް ފޯރުކޮށްދޭ ފަރާތް ނުވަތަ ޓެލެކޮމިއުނިކޭށަންގެ ހިދުމަތް ފޯރުކޮށްދޭ ދާއިރާގެ އޮފިސަރެއް، މުވައްޒަފެއް، އޭޖެންޓެއް ނުވަތަ ކޮންޓްރެކްޓަރަކަށްވެފައި، ފޯރުކޮށްދޭ މަޢުލޫމާތަކީ އެމީހެއްގެ ވަޒީފާގެ ވާޖިބުތައް އަދާކުރުމުގައި ފޯރުކޮށްދޭ މަޢުލޫމާތަކަށްވުން؛
  5. ލައިސަންސް ދޫކުރެވިފައިވާ ފަރާތުން ހިދުމަތް ފޯރުކޮށްދިނުމުގައި ހިދުމަތް ލިބިގަންނަ ފަރާތަކާ ގުޅޭގޮތުން ލިބިފައިވާ މަޢުލޫމާތެއް، އެފަރާތަކަށް ދޫކުރެވިފައިވާ ލައިސަންސް ނުވަތަ ނެޓްވަރކް ފެސިލިޓީގެ ބޭނުމަށް ހާމަކުރުން؛
  6. ޖިނާއީ ކުށެއް ހުއްޓުވުމަށް ނުވަތަ އެފަދަ ކުށެއްގެ ތަހްގީގަށް ބޭނުންވެގެން، ކޯޓުގެ އަމުރެއްގެ ދަށުން، ނުވަތަ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން، ޖިނާއީ ތަހްގީގު ހިންގުމުގެ ބާރު ލިބިފައިވާ އިދާރާއަކަށް މަޢުލޫމާތު ހާމަކުރުން؛
  7. ގައުމީ ސަލާމަތަށް ނުރައްކާވާ ހާލަތެއްގައި، ކޯޓުގެ އަމުރެއްގެ ދަށުން، ނުވަތަ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން، ސަލާމަތީ ހިދުމަތްތަކަށް މަޢުލޫމާތު ހާމަކުރުން؛
  8. ފޯރުކޮށްދޭ މަޢުލޫމާތު ނުވަތަ ލިޔުން ފޯރުކޮށްދެނީ ގާނޫނަކާ އެއްގޮތަށް ޢަމަލުކުރުމުގެ ގޮތުން ކަމުގައިވުން؛
  9. މަދަނީ ނުވަތަ ޖިނާއީ ށަރީޢަތެއްގައި ހާމަކުރެވޭ މަޢުލޫމާތު؛
  10. މި ގާނޫނުގައި ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ނުވަތަ ލައިސަންސްގެ ށަރުތުތަކުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން، އޮތޯރިޓީއަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތު؛
  11. ފޯރުކޮށްދެވޭ މަޢުލޫމާތަކީ ނުވަތަ ލިޔުމަކީ، އެހެން މީހެއްގެ ނުވަތަ ބައެއްގެ މަޢުލޫމާތު އެކުލެވޭ އެއްޗަކަށްވަނީނަމަ، އެފަދަ މަޢުލޫމާތެއް ނުވަތަ ލިޔުމެއް އެހެން ބަޔަކަށް ފޯރުކޮށްދީ ބޭނުންކުރުމުގެ ހުއްދަ ލިބިފައިވުން؛
  12. ތަފާސްހިސާބުތަކުގައި ހިމެނުމަށް ދައުލަތުގެ ތަފާސްހިސާބާބެހޭ މައި އިދާރާއަށް ހާމަކުރާ މަޢުލޫމާތު؛
  13. ދިވެހި ސަރުކާރާއި ބޭރު ގައުމެއްގެ ސަރުކާރާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން، ނުވަތަ ދިވެހިރާއްޖެއިން ޢަމަލުކުރުން ލާޒިމުވާ ބައިނަލްއަގްވާމީ މުޢާހަދާއެއްގެ ދަށުން ހާމަކުރަންޖެހޭ މަޢުލޫމާތު.

 

ހަތްވަނަ ބައި

ބިން ބޭނުންކުރުމާއި ނެޓްވަރކްގެ ވަސީލަތްތައް ގާއިމުކުރުން

 

51 ވަނަ މާއްދާ – ނެޓްވަރކް ފެސިލިޓީތައް ބެލެހެއްޓުން

ގާއިމުކުރެވިފައިވާ ނެޓްވަރކް ފެސިލިޓީއެއް މަރާމާތުކުރުމަށް ނުވަތަ އިންސްޓޯލްކުރުމަށް ނުވަތަ އެ ނެޓްވަރކް ފެސިލިޓީތައް ބެލެހެއްޓުމަށް ނުވަތަ މިފަދަ ފެސިލިޓީއެއް ނައްތާލަންޖެހިއްޖެ ހިނދެއްގައި ނައްތާލުމަށްޓަކައި އެ ނެޓްވަރކް ފެސިލިޓީއެއް ގާއިމުކުރެވިފައިވާ ބިމަކަށް، ކެރިއަރަކަށް ވަދެ އުޅެވިދާނެއެވެ.

 

52 ވަނަ މާއްދާ – ބިމުގައި ކުރެވޭ މަސައްކަތަކުން ނެޓްވަރކްގެ ވަސީލަތަށް އަސަރުކުރުން

(ހ) ޓެލެކޮމިއުނިކޭށަންގެ އިކުއިޕްމަންޓަކަށް، ނުވަތަ ނެޓްވަރކްގެ ވަސީލަތަކަށް ނުވަތަ އެ ވަސީލަތާ ގުޅުންހުރި އެއްޗަކަށް ނުވަތަ ގުޅުމަކަށް އެއްވެސް ބުރުލެއް އަރާފާނެފަދަ ޢަމަލެއް ހިންގައިގެންނުވާނެއެވެ.

(ށ) ޓެލެކޮމިއުނިކޭށަންގެ އިކުއިޕްމަންޓަކަށް، ނުވަތަ ނެޓްވަރކްގެ ވަސީލަތަކަށް ނުވަތަ އެ ވަސީލަތާ ގުޅުންހުރި އެއްޗަކަށް ނުވަތަ ގުޅުމަކަށް އެއްވެސް ބާވަތެއްގެ އަސަރެއްކޮށްފާނެ ކަމެއް ކުރުމަށް އެއްވެސް މީހަކު ހުށަހަޅާނަމަ، އެމީހަކު އަންނަނިވި ކަންކަން ކުރަންވާނެއެވެ.

  1. އެފަދަ މަސައްކަތެއް ކުރަން ގަސްދުކުރާކަން ކެރިއަރަށް ލިޔުމަކުން އަންގައި ނޯޓިސްދިނުން؛ އަދި
  2. އެފަދަ މަސައްކަތް ކުރުމުގައި އެ ބިމުގައިވާ، ނުވަތަ އެ ބިމުގެ މަތީގައިވާ، ނުވަތަ އެ ބިމުގެ ކައިރީގައިވާ ޓެލެކޮމިއުނިކޭށަންގެ އިކުއިޕްމަންޓަކަށް، ނުވަތަ ނެޓްވަރކްގެ ވަސީލަތަކަށް ނުވަތަ އެއާ ގުޅުންހުރި އެއްޗަކަށް އެއްވެސް ގެއްލުމެއް ނުލިބޭ ގޮތަށް މަސައްކަތްކުރުމަށް އެޅެންހުރި އެންމެހައި ސަލާމަތީ ފިޔަވަޅުތައް އެޅުން.

(ނ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ލިޔުމުންދޭ ނޯޓިސް، އެ މަސައްކަތްކުރުމަށް އެމީހަކު ފަށާ ދުވަހުގެ 14 (ސާދަ) ދުވަސް ކުރިން ފޮނުވަންވާނެއެވެ. މިގޮތުން އަސަރުކުރާ ވަސީލަތަކީ ކްރިޓިކަލް ނެޓްވަރކް ފެސިލިޓީއެއްކަމަށް ވާނަމަ 3 (ތިނެއް) މަސްދުވަހުގެ ކުރިން ނޯޓިސް ފޮނުވަންވާނެއެވެ.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ މަސައްކަތްކުރުމުގައި، މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ސަލާމަތީ ފިޔަވަޅުތައް އެޅުމުގައި މަސައްކަތްކުރާ ފަރާތުން އިހުމާލުވުމުގެ ސަބަބުން، ޓެލެކޮމިއުނިކޭށަންގެ އިކުއިޕްމަންޓް / އާލާތަކަށް ނުވަތަ ނެޓްވަރކްގެ ވަސީލަތަކަށް ނުވަތަ އެ ވަސީލަތާ ގުޅުންހުރި އެއްޗަކަށް ލިބޭ ކޮންމެ ގެއްލުމެއް މަރާމާތުކުރުމަށް ދާ ހަރަދު މަސައްކަތްކުރި ފަރާތުން ކެރިއަރަށް ދޭންވާނެއެވެ.

 

53 ވަނަ މާއްދާ – މި ގާނޫނުގެ ދަށުން ހަދާ އެހެނިހެން ގަވާއިދުތައް

(ހ) މި ބައިގައި ބަޔާންކޮށްފައިވާ ހަރަކާތެއްގައި ކެރިއަރ ބައިވެރިވާނަމަ، ނުވަތަ ބައިވެރިވާން ހުށަހަޅާނަމަ، އޮތޯރިޓީގައި ރަޖިސްޓަރީކޮށްފައިވާ ކަމާގުޅޭ އިންޑަސްޓްރީގެ ކޯޑުތަކާއި، ސިނާޢަތުގެ މިންގަނޑުތަކާއި، މި ގާނޫނުގެ ދަށުން ހަދާ އެހެނިހެން ގަވާއިދުތަކާ އެއްގޮތަށް ކެރިއަރ ޢަމަލުކުރަންވާނެއެވެ.

(ށ) މި ބައިގައި ބަޔާންކޮށްފައިވާ ކަންތައްތައް ކުރުމަށްޓަކައި، ކަމާބެހޭ ގަވާއިދުތައް އޮތޯރިޓީއަށް ހެދިދާނެއެވެ.

 

54 ވަނަ މާއްދާ - ބިމޭ ބުނެވޭ ބަހުގެ މާނަ

މި ބައިގައި "ބިން" ކަމަށް ބުނެފައި އެވަނީ، މޫދު (ހިކިފަސް ނޫންތަންތަން) ވެސް ހިމެނޭގޮތުންނެވެ.

 

އަށްވަނަ ބައި

ފަންނީ މިންގަނޑުތައް

 

އެއްވަނަ ބާބު

ފަންނީ މިންގަނޑުތަކާއި ސެޓްފިކެޓްދިނުން

 

55 ވަނަ މާއްދާ - ފަންނީ މިންގަނޑުތައް

(ހ) މި މާއްދާގައި ބަޔާންކުރާ ތަކެއްޗާއި ކަންކަމާއި، އެ ތަކެއްޗާއި ކަންކަމާގުޅޭ ކަންކަން ކުރުމުގައި ތަބާންވާންޖެހޭ ފަންނީ މިންގަނޑުތަކާއި ހަމަތައް، އޮތޯރިޓީއަށް ކަނޑައެޅިދާނެއެވެ. މީގެ ތެރޭގައި އަންނަނިވި ތަކެއްޗާއި ކަންކަމާގުޅޭ މިންގަނޑުތަކާއި ހަމަތައް ހިމެނިދާނެއެވެ.

  1. ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި ތަކެތި އިންސްޓޯލްކޮށްދޭ ފަރާތްތަކުން ބޭނުންކުރާ އަދި ވިޔަފާރިކުރާ ފަރާތްތަކުން ވިއްކާ ހުރިހާ ބާވަތެއްގެ ޓެލެކޮމިއުނިކޭށަންގެ އިކުއިޕްމަންޓް؛
  2. ހިދުމަތްދޭ ފަރާތްތަކުން ފޯރުކޮށްދޭ ހިދުމަތްތައް ހިމެނޭ ގޮތުގެމަތިން، ހުރިހާ ބާވަތެއްގެ ޓެލެކޮމިއުނިކޭށަންގެ ހިދުމަތްތައް؛
  3. ގަސްދުގައި ނުވަތަ ގަސްދަކާ ނުލައި ނަމަވެސް، ޓެލެކޮމިއުނިކޭށަންގެ ހިދުމަތުގައި ބޭނުންކުރާ އިކުއިޕްމަންޓެއްނޫން އެހެން އިކުއިޕްމަންޓަކުން ޓެލެކޮމިއުނިކޭށަންގެ އިކުއިޕްމަންޓަކަށް ނުވަތަ ހިދުމަތަކަށް އިންޓަރފިއަރަންސް އަރާނެ ގޮތަކަށް، ރޭޑިއޯ ފްރީކުއެންސީ ހަކަތައެއް އުފެދުން؛ އަދި
  4. ޓެލެކޮމިއުނިކޭށަންގެ ހިދުމަތްދޭ އިކުއިޕްމަންޓަކުން ނުވަތަ ހިދުމަތަކުން ޓެލެކޮމިއުނިކޭށަންގެ ހިދުމަތްދިނުމުގައި ބޭނުންކުރާ އިކުއިޕްމަންޓެއްނޫން އެހެން އިކުއިޕްމަންޓަކަށް އިންޓަރފިއަރަންސް އެރުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކާއި ހަމަތަކަކީ އަންނަނިވި ކަންކަން ނުވަތަ ކަމެއް ހާސިލުކުރުމަށްޓަކައި ކަނޑައެޅޭ މިންގަނޑުތަކަކާއި ހަމަތަކެއްކަމަށް ވާންވާނެއެވެ.

  1. ޓެލެކޮމިއުނިކޭށަންގެ އާލާތަކަށް ނުވަތަ ހިދުމަތަކަށް ކުރިމަތިވާ ނުވަތަ ކުރިމަތިވެދާނެ ރޭޑިއޯ އިންޓަރފިއަރަންސް މަދުކުރުމަށް ނުވަތަ ނައްތާލުމަށް؛
  2. ޓެލެކޮމިއުނިކޭށަންގެ ނެޓްވަރކްތަކުގެ ހިދުމަތް، ހަރުދަނާ، އިތުބާރުހުރި، އަދި އެފަދަ ހިދުމަތަކާމެދު ޔަގީންކަން އޮންނަފަދަ ގޮތަކަށް ހިންގުމަށް؛
  3. ޓެލެކޮމިއުނިކޭށަންގެ ނެޓްވަރކް ނުވަތަ އެހެނިހެން ނެޓްވަރކްގެ ވަސީލަތްތަކުގެ އިތުބާރު ގެއްލުނަނުދީ ހިފެހެއްޓުމަށް؛
  4. ޓެލެކޮމިއުނިކޭށަންގެ ނެޓްވަރކެއްގެ ނުވަތަ އެހެނިހެން ނެޓްވަރކެއްގެ ވަސީލަތެއްގައި، އެ ވަސީލަތެއް ހިންގާ މީހުންނާއި، އެ ވަސީލަތަކާ ގުޅިގެން ވަޒީފާ އަދާކުރާ މީހުންނާއި، އެ ވަސީލަތަކުން ފޯރުކޮށްދޭ ހިދުމަތެއް ބޭނުންކުރާ މީހުންނާއި، އެ ވަސީލަތެއް ހިންގުމުގެ ސަބަބުން އެއްވެސް ބާވަތެއްގެ އަސަރެއް ކޮށްފާނެ މީހުންގެ ސިއްހަތާއި ސަލާމަތަށް؛
  5. ޓެލެކޮމިއުނިކޭށަންގެ އިކުއިޕްމަންޓްތަކަކީ ބައިނަލްއަގްވާމީ ނުވަތަ ޓެލެކޮމިއުނިކޭށަންގެ ސިނާޢަތުގައި ގަބޫލުކުރެވޭ މިންގަނޑުތަކަށް ފެތޭ ތަކެތިކަން ޔަގީންކުރުމަށް؛
  6. ނުކުޅެދޭ މީހުންނަށް ބޭނުންކުރެވޭނެހެން އަދި އެމީހުންގެ ހާއްސަ ބޭނުންތަކަށް ފުދޭ ޓެލެކޮމިއުނިކޭށަންގެ އިކުއިޕްމަންޓްތައް ލިބެން ހުރިކަން ޔަގީންކުރުމަށް؛
  7. ޓެލެކޮމިއުނިކޭށަންގެ ދެ ނެޓްވަރކެއްގެ މެދުގައި ނުވަތަ އެހެންވެސް ނެޓްވަރކްގެ ވަސީލަތެއްގެ މެދުގައި ނުވަތަ ޓެލެކޮމިއުނިކޭށަންގެ ހިދުމަތަކާ ދެމެދު ގުޅާލުމަށް ބޭނުންކުރާ އިކުއިޕްމަންޓަކީ މައްސަލައެއް ނުޖެހި ގުޅާލުމަށް ކަމުދާ އެއްޗަކަށް ހެދުމަށާއި އަދި މިގޮތުން ކޯލަރ އައި.ޑީ އާއި ކުއްލި ހާލަތުގައި ގުޅާނެ ނަންބަރުތަކުގެ ހިދުމަތްފަދަ ހިދުމަތްތައް ފޯރުކޮށްދެވޭނެކަން ޔަގީންކުރުމަށް؛
  8. ހިދުމަތް ލިބިގަންނަ ފަރާތުން ނެޓްވަރކެއްގައި، ނުވަތަ ނެޓްވަރކް ފެސިލިޓީއަކަށް ބޭނުންކުރާ އިކުއިޕްމަންޓަކީ، އެކަތި އަނެކައްޗާ ގުޅައިގެން މަސައްކަތްކުރެވޭނެ އެއްޗެއްކަން ޔަގީންކުރުމަށް؛
  9. ޓެލެކޮމިއުނިކޭށަންގެ ހިދުމަތް ފޯރުކޮށްދިނުމުގައި ރަނގަޅު ފެންވަރަކަށް ހިދުމަތް ލިބިދެވޭނެކަން ޔަގީންކުރުމަށް؛
  10. މި ގާނޫނުގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ މިންގަނޑުތަކެއް އޮތޯރިޓީން ކަނޑައަޅަންވާނީ، އެކަމާ ބެހޭގޮތުން ޓެލެކޮމިއުނިކޭށަންގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު އެކަށީގެންވާ މިންވަރަކަށް މަށްވަރާކުރުމަށްފަހުގައެވެ.

(ރ) ޓެލެކޮމިއުނިކޭށަންގެ ސިނާޢަތުގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކާއި، ލައިސަންސް ލިބިފައިވާ ފަރާތްތަކުން، މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އޮތޯރިޓީން ކަނޑައަޅާ ފަންނީ މިންގަނޑުތަކާއި ހަމަތަކަށް ތަބާވާންވާނެއެވެ.

(ބ) ޓެލެކޮމިއުނިކޭށަންގެ އިކުއިޕްމަންޓެއް ނުވަތަ އެހެންވެސ ް އިކުއިޕްމަންޓެއް ނުވަތަ އެފަދަ އެހެން ނިޒާމެއް ބޭނުންކޮށްގެން، ނެޓްވަރކެއްގެ ގުޅުމަށް ބުރޫއަރާފަދަ ޢަމަލެއް ކޮށްފިނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، އެމީހަކު 1,000,000 (އެއް މިލިއަން) ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ޅ) ޢާންމު ސަލާމަތަށް ބުރުލެއް އަރާފަދަ އެއްވެސް ޓެލެކޮމިއުނިކޭށަންގެ އިކުއިޕްމަންޓެއް ނުވަތަ އެހެންވެސް މިފަދަ އިކުއިޕްމަންޓެއް ބޭނުންކޮށްފިނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، އެމީހަކު 1,000,000 (އެއް މިލިއަން) ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ. އަދި އެކަން ނުހުއްޓާ ކުރަމުންގެންދާ ކޮންމެ ދުވަހަކަށް 20,000 (ވިހިހާސް) ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

56 ވަނަ މާއްދާއެއްޗެއް ފާސްކުރުމަށް ފުރުހަމަކުރަންޖެހޭ ށަރުތުތައް

އޮތޯރިޓީއަށް ފެނިއްޖެ ހާލަތެއްގައި އަންނަނިވި ކަންކަން ކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ހ) ހުއްދަ ދެވޭ އިކުއިޕްމަންޓަކީ ނުވަތަ ވަސީލަތަކީ އެ އިކުއިޕްމަންޓެއް ނުވަތަ ވަސީލަތެއް ބޭނުންކުރަން ފެށުމުގެ ކުރިން، ކަނޑައަޅާފައިވާ މިންގަނޑުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ހެދިފައިވާ އެއްޗެއްތޯ ބެލުމަށް ޓެސްޓްކުރުން ނުވަތަ ބެލުން، ނުވަތަ ޓެސްޓްކުރުމަށް ނުވަތަ ބެލުމަށް އެންގުން؛

(ށ) ޓެސްޓްކުރުމަށް ބޭނުންކުރާ މިންގަނޑުތަކާއި އެކަމަށް ބޭނުންކުރާ ޓެސްޓް އިކުއިޕްމަންޓްތަކާއި އެކަން ކުރާނެގޮތް ލިޔުމުން ކަނޑައެޅުން؛

(ނ) ހުއްދަދެވޭ އިކުއިޕްމަންޓަކީ ނުވަތަ  ވަސީލަތަކީ ކަނޑައަޅާފައިވާ މިންގަނޑުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ހަދާފައިވާ ނުވަތަ އުފައްދާފައިވާ ޓެލެކޮމިއުނިކޭށަންގެ އިކުއިޕްމަންޓެއްކަމަށް ނުވަތަ ވަސީލަތެއްކަމަށް އޮތޯރިޓީއަށް ފެނިއްޖެނަމަ، އެ އިކުއިޕްމަންޓަކީ ނުވަތަ ވަސީލަތަކީ އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ، އޮތޯރިޓީން ގަބޫލުކުރާ އިކުއިޕްމަންޓެއް ނުވަތަ ވަސީލަތެއްކަން ބަޔާންކުރާ ސެޓްފިކެޓެއްދިނުން؛

(ރ) ހުއްދަދެވޭ އިކުއިޕްމަންޓަކީ ނުވަތަ ވަސީލަތަކީ އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ބަލައި ފާސްކޮށްފައިވާ އިކުއިޕްމަންޓެއްކަން ނުވަތަ ވަސީލަތެއްކަން އެނގޭނެ ލިޔުންކޮޅެއް (ލޭބަލެއް) ހުއްދަދެވޭ އިކުއިޕްމަންޓްގައި ނުވަތަ ވަސީލަތުގައި ތަތްކުރުމަށް ދިނުން؛

(ބ) ކަނޑައަޅާފައިވާ ހާއްސަ ޓެލެކޮމިއުނިކޭށަންގެ އިކުއިޕްމަންޓްތަކުގައާއި އަދި އިށްތިހާރުކުރުމުގައި ބޭނުންކުރަންޖެހޭ ނުވަތަ ދޭންޖެހޭ މަޢުލޫމާތު ކަނޑައެޅުން؛

(ޅ) ޓެލެކޮމިއުނިކޭށަންގެ އިކުއިޕްމަންޓްތަކާއި ހިދުމަތްތަކާއި، ޓެލެކޮމިއުނިކޭށަންގެ ހިދުމަތްދޭ އެހެނިހެން ތަކެއްޗަކީ  އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑުތަކާއި ގަވާއިދުތަކަށް ފެތޭ، އަދި އެތަކެތި ބަލައި ފާސްކޮށްފައިވާކަމުގެ ލިޔުން ނުވަތަ ލޭބަލްޖަހައިގެން މެނުވީ، އެތަކެތި ދިވެހިރާއްޖެއަށް އެތެރެކޮށް، ނުވަތަ ދިވެހިރާއްޖޭގައި ވިއްކުމަށް ނުބެހެއްޓޭނެކަން ކަނޑައަޅައި، އެކަން ލިޔުމުން ބަޔާންކުރުން؛

(ކ) ހުއްދަދޭ އިކުއިޕްމަންޓަކީ ނުވަތަ ވަސީލަތަކީ އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ހެދިފައިވާ ޓެލެކޮމިއުނިކޭށަންގެ އިކުއިޕްމަންޓެއްތޯ ނުވަތަ ވަސީލަތެއްތޯ ބެލުމަށްޓަކައި ޓެސްޓްކުރުމަށް ހިނގާ ހަރަދު، ހުއްދަ ހޯދުމަށް އެދޭ ފަރާތުން ހޯދުން؛ އަދި

(އ) މި މާއްދާގެ (ހ) އާއި (ރ) ގައި ބަޔާންކުރެވިފައިވާ ކަންތައްތައް ކުރުމަށް އެހެން ޖަމްޢިއްޔާއަކަށް ނުވަތަ ކުންފުންޏަކަށް ނުވަތަ މުއައްސަސާއަކާ (ދިވެހިރާއްޖެއިން ބޭރުގެ ކުންފުންޏެއް، ނުވަތަ ޖަމްޢިއްޔާއެއް، ނުވަތަ މުއައްސަސާއެއް ކަމުގައި ވީނަމަވެސް) ހަވާލުކުރުން.

  

ދެވަނަ ބާބު

ނަންބަރާއި، އިލެކްޓްރޯނިކް އެޑްރެސްދިނުން

 

57 ވަނަ މާއްދާ - ނަންބަރިންގ ޕްލޭން

(ހ) ދިވެހިރާއްޖޭގެ ނަންބަރިންގ ޕްލޭނާއި އަދި ޓެލެކޮމިއުނިކޭށަންގެ ހިދުމަތްތައް ދިނުމުގައި ބޭނުންކުރާ އިލެކްޓްރޯނިކް އެޑްރެސްތަކުގެ މިލްކުވެރިކަމާއި ކޮންޓްރޯލް އިދާރީގޮތުން ބެލެހެއްޓުމާއި، ރޭވުމާއި، ދިނުމާއި، ބެހުމާއި، އެކަށައެޅުމުގެ ބާރު، އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ އިލެކްޓްރޯނިކް އެޑްރެސްތަކުގެ ތެރޭގައި ރާއްޖެއަށް ނިސްބަތްވާ އެންމެހައި އިންޓަރނެޓް އެޑްރެސްތަކާއި ޑޮމެއިންތައް ހިމެނެއެވެ.

(ނ) ދިވެހިރާއްޖޭގައި ފޯރުކޮށްދޭ ޓެލެކޮމިއުނިކޭށަންގެ ހިދުމަތްތަކުގެ ނަންބަރު އެކަށައަޅައި، ޓެލެކޮމިއުނިކޭށަންގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ބޭނުންކުރާނެ ނަންބަރުތަކާއި ކޯޑުތައް ހެދުމަށްޓަކައި، އޮތޯރިޓީން 'ނަންބަރިންގ ޕްލޭން' ގެ ނަމުގައި ޕްލޭނެއް ތައްޔާރުކުރަންވާނެއެވެ. ނަންބަރިންގ ޕްލޭނަކީ އޭގެ އެންމެ ރަނގަޅު، އިސްރާފުކުޑަ އަދި ހަމަހަމަ އުސޫލެއްގެމަތިން ބޭނުންކުރެވޭނެ ނަންބަރުތަކާއި ކޯޑުތައް އެކުލެވޭ އެއްޗަކަށް ހެދުމަށް އޮތޯރިޓީން މަސައްކަތްކުރަންވާނެއެވެ.

(ރ) ނަންބަރިންގ ޕްލޭންގައި ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭށަންގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ބޭނުންކުރާނެ ނަންބަރުތައް ތަފްސީލުކޮށް ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(ބ) އޮތޯރިޓީގެ ފަރާތުން ނަންބަރިންގ ޕްލޭންގެ ކަންކަން ތަންޒީމުކުރުމަށްޓަކައި، ގަވާއިދުތަކާއި މިންގަނޑުތަކެއް ކަނޑައެޅިދާނެއެވެ.

(ޅ) އޮތޯރިޓީއަށް ފެނިއްޖެ ހިނދެއްގައި، އޮތޯރިޓީއަށް ފެންނަ ގޮތެއްގެމަތިން ނަންބަރިންގ ޕްލޭން ބަދަލުކުރެވިދާނެއެވެ.

 

58 ވަނަ މާއްދާ – ނަންބަރިންގ ޕްލޭނާ އެއްގޮތަށް ކަންތައްތައް ކުރުން

ނަންބަރިންގ ޕްލޭނާ އެއްގޮތަށް ޢަމަލުކުރުމަށްޓަކައި، ލައިސަންސް ދޫކުރެވިފައިވާ ފަރާތްތަކުން އަންނަނިވި ކަންކަން ކުރަންވާނެއެވެ.

(ހ) ނަންބަރިންގ ޕްލޭނާ ބެހޭގޮތުން އޮތޯރިޓީން އަންގާ އެންގުންތަކާ އެއްގޮތަށް ޢަމަލުކޮށް އަދި ނަންބަރިންގ ޕްލޭނާ އެއްގޮތަށް ޢަމަލުކުރުން؛

(ށ) އޮތޯރިޓީން އެދިއްޖެ ހިނދެއްގައި ނުވަތަ މިނޫންވެސް މިފަދަ ކަމަކަށް ބޭނުންވެއްޖެ ހިނދެއްގައި، އޮތޯރިޓީގެ މަށްވަރާގެމަތިން ނަންބަރިންގ ޕްލޭންގެ ތެރޭގައި ނަންބަރާއި ކޯޑުތައް އެކަށައަޅައި އަދި ބަދަލުކޮށް ހެދުން؛

(ނ) އޮތޯރިޓީން އެދިއްޖެ ހާލަތެއްގައި، ހިދުމަތް ފޯރުކޮށްދޭ ފަރާތުން ފޯރުކޮށްދޭ ހިދުމަތާ ގުޅިގެން ނަންބަރިންގ ޕްލޭނަށް ގެންނަން ފެންނަ ބަދަލުތަކާއި، އިތުރުކުރަން ބޭނުންވާ ކަންކަމާއި، ބަދަލުކުރަން ބޭނުންވާ ކަންކަން ބަޔާންކޮށް، އޮތޯރިޓީއަށް ހިޔާލާއި މަށްވަރާއާއި މަޢުލޫމާތު ފޯރުކޮށްދިނުން؛ އަދި

(ރ) އޮތޯރިޓީން އެދޭ ގޮތެއްގެމަތިން، ހިދުމަތް ލިބިގަންނަ ފަރާތްތަކުން ފޯރުކޮށްދޭ ނަންބަރުތައް އެއް ފަރާތުން އަނެއް ފަރާތަށް ފަސޭހަކަމާއެކު ބަދަލުކުރުމުގެ އިންތިޒާމާއި، އަދި ހިދުމަތް ލިބިގަންނަ ފަރާތެއް، އެފަރާތެއް ބޭނުންވެގެން ހިދުމަތް ފޯރުކޮށްދޭ އެހެން ފަރާތަކަށް އެ ހިދުމަތް ހޯދުމަށް ދިއުމަށް ބޭނުންވެއްޖެނަމަ، ފަސޭހަކަމާއެކު މިކަން ކުރެވޭނެ ގޮތެއް މެދުވެރިކޮށްދިނުން.

 

59 ވަނަ މާއްދާ - އިލެކްޓްރޯނިކް އެޑްރެސް

(ހ) ޓެލެކޮމިއުނިކޭށަންގެ ހިދުމަތް ފޯރުކޮށްދިނުމުގައި އިލެކްޓްރޯނިކް އެޑްރެސް ހެދުމާއި ބޭނުންކުރުމާއި ކަނޑައެޅުމާ ބެހޭގޮތުން އޮތޯރިޓީން ގަވާއިދު ހެދިދާނެއެވެ.

(ށ) އިލެކްޓްރޯނިކް އެޑްރެސް ހެދުމުގެ ބޭނުމަށް އޮތޯރިޓީން ޕްލޭނެއް ހަދައި ތަންފީޒުކުރެވިދާނެއެވެ.

 

60 ވަނަ މާއްދާ – އިންޓަގްރޭޓަޑް ޕަބްލިކް ނަންބަރ ޑޭޓާބޭސް

(ހ) އިންޓަގްރޭޓަޑް ޕަބްލިކް ނަންބަރ ޑޭޓާބޭސްއެއް ނުވަތަ އިންޓަގްރޭޓަޑް ޕަބްލިކް އިލެކްޓްރޯނިކް ޑޭޓާބޭސްއެއް ހިންގުމަށް އޮތޯރިޓީން ވަކި ހާއްސަ ފަރާތެއް (މީގެ ތެރޭގައި ހިދުމަތް ފޯރުކޮށްދޭ ފަރާތެއް ނަމަވެސް) ކަނޑައެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ފަރާތަކުން، އެފަރާތަކަށްވެސް އެ ހިދުމަތް އަމިއްލައަށް ލިބޭފަދައިން، ތަފާތުކުރުމެއްނެތި ހުރިހާ ފަރާތްތަކަކަށް ހަމަހަމަވާނެ ގޮތުގެމަތިން މި ހިދުމަތް ފޯރުކޮށްދޭންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާފަދަ ފަރާތަކުން، މި މާއްދާގެ ދަށުން އެފަރާތަކާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތައް އަދާކުރާނެ ގޮތްތަކެއް ނުވަތަ އެ ޒިންމާ އަދާކުރުމުގައި ވަކި ގޮތްތަކެއް، އޮތޯރިޓީން ކަނޑައެޅިދާނެއެވެ.

 

ނުވަވަނަ ބައި

ރޭޑިއޯ ފްރީކުއެންސީ ސްޕެކްޓްރަމް ބެލެހެއްޓުން

 

61 ވަނަ މާއްދާ - ހިންގުމުގައި ބަލާނެ ގޮތްތައް

ރާއްޖޭގެ ރޭޑިއޯ ފްރީކުއެންސީ ސްޕެކްޓްރަމް ބެލެހެއްޓުމުގެ އެންމެހައި ކަންކަން ހިންގާނީ އޮތޯރިޓީންނެވެ. މިގޮތުން ރާއްޖޭގައި ޢާންމުކޮށް ބޭނުންކުރާ ސްޕެކްޓްރަމް ބަލަހައްޓައި ދޫކުރުމުގައި އިސްރާފު ކުޑަކުރުމަށާއި ވާދަވެރިކަން ކުރިއެރުވުމަށް އޮތޯރިޓީން މަސައްކަތްކުރަންވާނެއެވެ.

 

62 ވަނަ މާއްދާ - މަނާކުރެވިފައިވާ ކަންތައްތައް

(ހ) ތިރީގައި ބަޔާންކުރެވިފައިވާ ގޮތްތަކުގެމަތިން މެނުވީ ސްޕެކްޓްރަމްގައިވާ ފްރީކުއެންސީއެއް ބޭނުމެއް ނުކުރެވޭނެއެވެ.

  1. މި ގާނޫނުގެ މި ބައިގެ ދަށުން "ސްޕެކްޓްރަމް އެސައިންމަންޓް" އެއް އެމީހެއްގެ އަތުގައި އޮތުން؛
  2. ބޭނުންކުރާ ފްރީކުއެންސީއަކީ ކްލާސް އެސައިންމަންޓެއްގެ ދަށުން ހުއްދަކުރެވިފައިވާ ފްރީކުއެންސީއެއްކަމަށްވުން؛
  3. ބޭނުންކުރާ ފްރީކުއެންސީއަކީ  އޮތޯރިޓީން ދޫކޮށްފައިވާ ވަގުތީ ހުއްދައެއްގެ ދަށުން ހުއްދަކުރެވިފައިވާ ފްރީކުއެންސީއެއް ކަމަށްވުން.

(ށ) މި ގާނޫނުގެ މި ބައިގައި ބަޔާންކުރާ ކަމަކާ ހިލާފަށް ޢަމަލުކޮށްފިނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، އެމީހަކު         1,000,000 (އެއް މިލިއަން) ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ. އަދި ހިލާފުވެހުރެ ހިނގާ ކޮންމެ ދުވަހަކަށް ނުވަތަ ދުވަހުގެ ބަޔަކަށް 20,000 (ވިހިހާސް) ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

63 ވަނަ މާއްދާ - ސްޕެކްޓްރަމް ޕްލޭން

(ހ) މުޅި ސްޕެކްޓްރަމް ނުވަތަ އޭގެ ބައެއް ހިމެނޭ ގޮތަށް، ސްޕެކްޓްރަމް ބޭނުންކުރާނެ ގޮތާއި އަދި ބަހާނެ ނުވަތަ ދޭނެ ނުވަތަ އެކަށައަޅާނެ ގޮތްތައް ބަޔާންކޮށް އޮތޯރިޓީން ސްޕެކްޓްރަމް ޕްލޭނެއް އެކުލަވާލައި، ށާއިޢުކުރެވިދާނެއެވެ.

(ށ) އެއިރެއްގެ ހާލަތު އަދި ބައިނަލްއަގްވާމީ ނިންމުންތަކަށް ރިޢާޔަތްކޮށް ސްޕެކްޓްރަމް ޕްލޭނަށް ބަދަލު ގެނެއުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ނ) ސްޕެކްޓްރަމް ޕްލޭނެއް ހެދުމުގައި އޮތޯރިޓީން ތިރީގައި ބަޔާންކުރެވިފައިވާ ކަންތައްތަކަށް އިސްކަންދޭންވާނެއެވެ.

  1. މި ގާނޫނުގެ ރޫހާއި މަގްސަދު؛
  2.  މިފަދަ ސްޕެކްޓްރަމް ޕްލޭނަކުން މިހާރު ހިދުމަތް ބޭނުންކުރާ ފަރާތްތަކަށް ކުރާނެ އަސަރުތައް؛ އަދި
  3. މިކަމާގުޅޭ ބައިނަލްއަގްވާމީ މިންގަނޑުތަކާއި، މުޢާހަދާތަކާއި، އެއްބަސްވުންތަކާއި އަދި ދިވެހިރާއްޖެއިން ތަސްދީގުކޮށް ޢަމަލުކުރަމުން ގެންދާ އިންޓަރނޭށަނަލް ޓެލެކޮމިއުނިކޭށަން ޔޫނިއަންގެ ރޭޑިއޯ ގަވާއިދުތަކާއި މިންގަނޑުތައް.

(ރ) ޓެލެކޮމިއުނިކޭށަންގެ ހިދުމަތް ފޯރުކޮށްދޭ ދާއިރާއާއި، މިފަދަ ސްޕެކްޓްރަމް ޕްލޭނެއްގެ ސަބަބުން ސީދާ އަސަރުކުރާނެ  ކަމަށް އޮތޯރިޓީއަށް ފެންނަ ފަރާތްތަކާއެކު އޮތޯރިޓީން މަށްވަރާކުރަން ވާނެއެވެ.

(ބ) ސްޕެކްޓްރަމް ޕްލޭނެއްގައި، ސްޕެކްޓްރަމް އެކަށައެޅުމުގައި ގެންގުޅޭނެ ގަވާއިދުތަކާއި މިންގަނޑުތައް ބަޔާންކުރެވިދާނެއެވެ. މީގެ ތެރޭގައި، އަންނަނިވި ގަވާއިދުތަކާއި މިންގަނޑުތައް ހިމެނިދާނެއެވެ.

  1. ނީލަމުގެ އުސޫލުން ސްޕެކްޓްރަމް  އެކަށައެޅުމުގެ ގަވާއިދުތަކާއި މިންގަނޑުތައް؛
  2.  ބީލަމުގެ އުސޫލުން ސްޕެކްޓްރަމް  އެކަށައެޅުމުގެ ގަވާއިދުތަކާއި މިންގަނޑުތައް؛
  3. ކަނޑައެޅޭ ވަކި އަގެއްގައި ސްޕެކްޓްރަމް އެކަށައެޅުމުގެ ގަވާއިދުތަކާއި މިންގަނޑުތައް.

 

64 ވަނަ މާއްދާފްރީކުއެންސީ ބޭންޑް ޕްލޭންތައް

(ހ) އޮތޯރިޓީން ފްރީކުއެންސީ ބޭންޑް ޕްލޭންތަކެއް ހަދައި، ށާޢިއުކުރެވިދާނެއެވެ. މިފަދަ ޕްލޭންތައް ވާންވާނީ އެކެއް ނުވަތަ އެއަށްވުރެ ގިނަ ފްރީކުއެންސީ ބޭންޑްތަކަކަށް ނިސްބަތްކޮށް، އެ ޕްލޭނެއްގައި ބަޔާންކުރެވިފައިވާނެ ފަދައިން ޢާންމު ބޭނުންތަކަށް ނުވަތަ ވަކި ހާއްސާ ބޭނުމަކަށް (މީގެ ތެރޭގައި ހާއްސަ ތަނަކަށް ނުވަތަ ހިސާބަކަށް ނިސްބަތްވާ ގޮތަށް) ހެދިފައިވާ ޕްލޭންތަކަކަށެވެ.

(ށ) ފްރީކުއެންސީ ބޭންޑް ޕްލޭނެއް ސްޕެކްޓްރަމް ޕްލޭނަކާ ތަޢާރުޒުވެގެން ނުވާނެއެވެ.

(ނ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، މި މާއްދާގެ (ހ) ގެ ދަށުން މި ގާނޫނުގެ 112 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކާރިސާއެއް ދިމާވާ ހާލަތުގައި، އެ ހާލަތުގައި ބޭނުންކުރުމަށް ވަކި ހާއްސަ ފްރީކުއެންސީ ބޭންޑް ޕްލޭނެއް އޮތޯރިޓީއަށް ކަނޑައެޅިދާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން އަސްކަރީ އެންގޭޖްމަންޓްތަކުގައިބޭނުންކުރުމަށްޓަކައި ހާއްސަ ފްރީކުއެންސީ ބޭންޑް ޕްލޭނެއް ކަނޑައަޅައި ދިވެހިރާއްޖޭގެ ގައުމީ ދިފާޢީ ބާރަށް އެފަދަ ޕްލޭނެއް ބޭނުންކުރުމަށް ހުއްދަ ދިނުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

65 ވަނަ މާއްދާ - ސްޕެކްޓްރަމް  އެސައިންމަންޓް

(ހ) އޮތޯރިޓީން ވަކި ފަރާތަކަށް ސްޕެކްޓްރަމް ދޫކުރުމުގައި އެފަރާތަށް ފްރީކުއެންސީއެއް ނުވަތަ ފްރީކުއެންސީތަކެއް، އެކަމަށް ދޫކުރާ ހުއްދައިގައި ބަޔާންކުރެވިފައިވާ ށަރުތުތަކާ އެއްގޮތްވާ ގޮތުގެމަތިން ބޭނުންކުރުމުގެ ހުއްދަދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ސްޕެކްޓްރަމް ބޭނުންކުރުމުގެ ހުއްދައެއް ދެވޭނީ ސްޕެކްޓްރަމް ބޭނުންކުރުމުގެ ހުއްދަދެވޭ ފްރީކުއެންސީ ބޭންޑްތައް އޮތޯރިޓީން ކަނޑައަޅާފައިވުމާއި، އެ ހުއްދައިގެ ދަށުން ދެވޭ ސްޕެކްޓްރަމް ބޭންޑަކީ ސްޕެކްޓްރަމް ޕްލޭނާ އެއްގޮތަށް ދެވޭ އެއްޗަކަށްވާނަމައެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ސްޕެކްޓްރަމް ބޭނުންކުރުމަށް ދެވޭ ހުއްދައަކަށް، އޮތޯރިޓީއަށް ފެނިއްޖެ ހިނދެއްގައި ށަރުތު ކަނޑައަޅައި، އެކަމަށް ފީއެއް ނުވަތަ އިށްތިރާކެއް ނެގިދާނެއެވެ.

(ރ) ސްޕެކްޓްރަމް ބޭނުންކުރުމުގެ ހުއްދައެއް ކުރިން ދެވިފައިވާ ފަރާތަކަށް އަލުން އެ ހުއްދަދެވޭނީ، އެފަރާތަށް އެ ހުއްދަދިނުމަކީ ގައުމީ މަސްލަހަތެއް އެކުލެވޭ ކަމެއް ކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވޭ ހާލަތުގައި، މި މާއްދާގެ (ހ) އާއ ި (ށ) އާއި (ނ) ގައިވާ ގޮތުގެމަތިންނެވެ.

 

66 ވަނަ މާއްދާސްޕެކްޓްރަމް އެސައިންމަންޓް ދެވޭ މީހުން

ވަކި ށަރުތުތަކެއް ފުރިހަމަވާ ފަރާތްތަކަކަށް ސްޕެކްޓްރަމް އެސައިންމަންޓް ދިނުމަށް ލިޔުމަކުން އޮތޯރިޓީއަށް ކަނޑައެޅިދާނެއެވެ.

 

67 ވަނަ މާއްދާސްޕެކްޓްރަމް ރީ-އެލޮޓްކުރުން

(ހ) ވަކި ކަމަކަށް ކަނޑައެޅިފައިވާ ސްޕެކްޓްރަމެއް އެހެން ކަމަކަށް ކަނޑައެޅުމުގެ (ރ ީ-އެލޮކޭޓްކުރުމުގެ) އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ސްޕެކްޓްރަމް ރީ-އެލޮކޭޓްކުރުމުގައި ސްޕެކްޓްރަމް ލިބޭ ފަރާތްތަކަށް ލިބޭ މިންވަރު ކަނޑައެޅިދާނެއެވެ.

 

68 ވަނަ މާއްދާ – ސްޕެކްޓްރަމެއް ދިނުމަށްފަހު އަލުން އަނބުރާ އަތުލުން

(ހ) ސްޕެކްޓްރަމް ޕްލޭނަށް ގެނެވޭ ބަދަލަކާ ގުޅިގެން، ދޫކުރެވިފައިވާ ސްޕެކްޓްރަމް އެސައިންމަންޓެއް އޮތޯރިޓީން އަނބުރާ އަތުލެވިދާނެއެވެ.

(ށ) ފީއެއް ދައްކައިގެން ދޫކުރެވިފައިވާ ސްޕެކްޓްރަމް އެސައިންމަންޓެއް، ސްޕެކްޓްރަމް ދޫކުރެވިފައިވާ މުއްދަތު ހަމަވުމުގެ ކުރިން، މި މާއްދާގެ ދަށުން އަނބުރާ އަތުލަންޖެހިއްޖެ ހިނދެއްގައި އެ ހުއްދައެއ ް ދެވިފައިވާ ފަރާތަކަށް ނުވަތަ މީހަކަށް ސްޕެކްޓްރަމް ހޯދުމަށް ނުވަތަ ބޭނުންކުރުމަށް ދެއްކި ފީއާ އެކަށީގެންވާ މިންވަރެއްގެ ބަދަލެއް ދޭންވާނެއެވެ.

(ނ) ސްޕެކްޓްރަމް އެސައިންމަންޓެއް އާ ނުކުރާ ހާލަތުތަކުގައި މި ގާނޫނުގައި ބުނެފައިވާ ބަދަލު ދޭކަށް ނުޖެހޭނެއެވެ.

 

69 ވަނަ މާއްދާ - ކްލާސް އެސައިންމަންޓް

(ހ) ވަކިބޭނުމަކަށް ނުވަތަ ބޭނުންތަކަކަށް ފްރީކުއެންސީއެއް ނުވަތަ ފްރީކުއެންސީތަކެއް، އޮތޯރިޓީން ޢާންމު ހުއްދައެއްގެ ގޮތުގައި ކަނޑައަޅައި، ކްލާސް އެސައިންމަންޓެއް ހަމަޖެއްސިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދެވޭ ކްލާސް އެސައިންމަންޓަކަށް، އޮތޯރިޓީއަށް ފެނިއްޖެ ހިނދެއްގައި ށަރުތު ކަނޑައަޅައި، ފީއެއް ނުވަތަ އިށްތިރާކެއް ނެގިދާނެއެވެ.

 

70 ވަނަ މާއްދާ - ސެޓަލައިޓް ޕޮޒިށަންތައް

ދިވެހިރާއްޖެއިން ބޭނުންކުރުމަށް ރަޖިސްޓަރީކޮށްފައިވާ ނުވަތަ ބޭނުންކުރުމަށް ލައިސަންސް ދޫކުރެވިފައިވާ ސެޓަލައިޓްތަކުގެ އޯބިޓަލް ޕޮޒިށަންތަކާއި ޕެރަމީޓަރުތައް އޮތޯރިޓީން ކަނޑައަޅައި، ބަދަލު ގެނެވިދާނެއެވެ.

 

71 ވަނަ މާއްދާ – ރަޖިސްޓަރީ

އޮތޯރިޓީން ތިރީގައި ބަޔާންކުރެވިފައިވާ ކަންތައްތައް ބަލަހައްޓާނެ ރަޖިސްޓަރީއެއް އެކުލަވާލާފައި އޮންނަންވާނެއެވެ.

(ހ) ސްޕެކްޓްރަމް ޕްލޭނާއި ފްރީކުއެންސީ ބޭންޑް ޕްލޭންތައް؛

(ށ) ސްޕެކްޓްރަމް އެސައިންމަންޓްތައް؛

(ނ) ކަނޑައެޅޭ ސެޓަލައިޓް އޯބިޓަލް ޕޮޒިށަންތަކާއި ޕެރެމީޓަރުތައް.

 

72 ވަނަ މާއްދާ – އިންޓަރފިއަރަންސް

 (ހ) ދިވެހިރާއްޖޭގައި ނުވަތަ ދިވެހިރާއްޖެއިން ބޭރުގައި ހުއްދަ ލިބިގެން ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ބޭނުންކުރެވޭ، ނުވަތަ ފޯރުކޮށްދޭ ޓެލެކޮމިއުނިކޭށަންގެ ހިދުމަތަކަށް ނުވަތަ ޓެލެކޮމިއުނިކޭށަންގެ އާލާތްތަކަށް، ސީދާކޮށް ނުވަތަ ނުސީދާކޮށް ނަމަވެސް އިންޓަރފިއަރަންސް އަރާފާނެ އިކުއިޕްމަންޓެއް (އެއީ ޓެލެކޮމިއުނިކޭށަންގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެއްޗެއް ނަމަވެސް ނުވަތަ މިފަދަ ހިދުމަތެއް ފޯރުކޮށްދޭ އެއްޗެއް ނޫންނަމަވެސް) ގާނޫނީ ހުއްދައެއް ނެތި އެއްވެސ ް ފަރާތަކުން އެނގިހުރެ ބޭނުންކޮށްގެން ނުވާނެއެވެ.

(ށ) އިންޓަރފިއަރަންސް އަރާ އިކުއިޕްމަންޓް (އެއީ ޓެލެކޮމިއުނިކޭށަންގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެއްޗެއް ނަމަވެސް ނުވަތަ މިފަދަ ހިދުމަތެއް ފޯރުކޮށްދޭ އެއްޗެއް ނޫންނަމަވެސް) ގެންގުޅޭ ފަރާތަކަށް ލިޔުމަކުން، އިންޓަރފިއަރަންސް އެރުން ހުއްޓުވުމަށްޓަކައި ކަންތައްތަކެއް ކުރުމަށް އަންގައި އަދި މިކަން ހުއްޓުމަށް ވަކި މުއްދަތެއް ދީ އެ މުއްދަތެއްގެ ތެރޭގައި މިކަންތައް ކުރުމަށް އޮތޯރިޓީން އެންގުމުން، މި އެންގުމުގައިވާ ގޮތަށް އެންގުން ރައްދުވާ ފަރާތުން ޢަމަލުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާ ހިލާފުވެއްޖެނަމަ، ނުވަތަ މި މާއްދާގެ (ށ) ގެ ދަށުން އެންގޭ އެންގުމަކަށް ޢަމަލުނުކޮށްފިނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، އެފަރާތެއް 1,000,000 (އެއް މިލިއަން) ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ. އަދި މި މާއްދާގެ (ށ) ގެ ދަށުން އެންގޭ އެންގުމަކަށް ޢަމަލުނުކޮށް ހިނގާ ކޮންމެ ދުވަހަކަށް 20,000 (ވިހިހާސް) ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ރ) ޓެލެކޮމިއުނިކޭށަންގެ ހިދުމަތް ފޯރުކޮށްދޭ ނެޓްވަރކްތަކަށާއި، މިފަދަ އެހެނިހެން ހިދުމަތްތަކަށާއި، ޓެލެކޮމިއުނިކޭށަންގެ ހިދުމަތްތަކަށް ނޭދެވޭ އަދި ގެއްލުންދެނިވި އިންޓަރފިއަރަންސް އެރުން ހުއްޓުވުމުގެ ގޮތުން، މި ގާނޫނުގެ 4 ވަނަ މާއްދާގެ ދަށުން ބޭނުންކުރުމަށް ލައިސަންސް ދޫކުރެވޭ ށަރުތުތައް ފުރިހަމަނުވާ އެއްވެސް އިކުއިޕްމަންޓެއް ބޭނުންކުރުމުގައި، އެ އެއްޗަކުން ކޮންޑަކްޓްކުރާ ނުވަތަ ރޭޑިއޭޓްކުރާ އިންޓަރފިއަރަންސްގެ ހުދޫދުތައް އޮތޯރިޓީން ގަވާއިދެއްގައި ކަނޑައެޅިދާނެއެވެ.

(ބ) މި ގާނޫނުގެ އަށްވަނަ ބައިގެ އެއްވަނަ ބާބުގައި ބަޔާންކުރެވިފައިވާ އޮތޯރިޓީގެ ބާރުތަކުގެ ތެރޭގައި މި މާއްދާގެ (ރ) ގައި އިށާރާތްކުރެވިފައިވާ އިކުއިޕްމަންޓްތައްވެސް ހިމެނެއެވެ.

(ޅ) މި މާއްދާގެ (ރ) ގައި އިށާރާތްކުރެވިފައިވާފަދަ އިކުއިޕްމަންޓްތަކަކީ އެ އަކުރުގެ ދަށުން ހެދޭ ގަވާއިދުގައި ބަޔާންކުރެވިފައިވާ ހުދޫދުގެ ތެރޭގައިވާ އެއްޗެއްކަން ނުވަތަ ނޫންކަން ބެލުމަށްޓަކައި އެ އެއްޗެއް ޓެސްޓްކުރުމަށް ގެންނަން އޮތޯރިޓީން އެސައިންމަންޓް ދޫކުރެވިފައިވާ ފަރާތަށް އެންގިދާނެއެވެ.

 

73 ވަނަ މާއްދާ – އޮޕަރޭޓްކުރާ މީހުންގެ ސަނަދުތަކާއި، އަދި މިފަދަ މީހުން ބަލައި ހުއްދަދިނުން

ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ކުރުމަށް މީހަކަށް ހުއްދަދިނުމަށް އިމްތިހާންކުރުމާއި، ސެޓްފިކެޓްދިނުމާއި، އަދި ހުއްދަދިނުމާބެހޭ އޮނިގަނޑެއް އޮތޯރިޓީން ކަނޑައެޅިދާނެއެވެ.

(ހ) ރޭޑިއޯގެ ޒަރީޢާއިން މުއާސަލާތުކުރުމަށް (ރޭޑިއޯ ކޮމިއުނިކޭށަން) ކަނޑައަޅާފައިވާ ހާއްސަ އެޕަރެޓަސްއެއް ނުވަތަ ވަކި ކްލާހެއްގެ އެޕަރެޓަސްއެއް އޮޕަރޭޓްކުރުން؛

(ށ) ރޭޑިއޯ ކޮމިއުނިކޭށަން ސްޓޭށަނެއްގައި ކަނޑައަޅާފައިވާ ވަކި މަގާމެއް ހިފެހެއްޓުން؛ އަދި

(ނ) މި ގާނޫނުގެ 55 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރެވިފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭނެ ނުވަތަ ކުރުމަށް ބޭނުންވާނެ ކަމަށް އޮތޯރިޓީއަށް ފެންނަ ކަމެއް ކުރުން.

 

ދިހަވަނަ ބައި

އިދާރީ ފިޔަވަޅު، އިހްތިސާސް، އަދި އޮތޯރިޓީން އަންގާ އެންގުންތައް ތަންފީޒުކުރުން

 

އެއްވަނަ ބާބު

އިދާރީ ފިޔަވަޅާއި، އިހްތިސާސް 

74 ވަނަ މާއްދާ - އިދާރީ ފިޔަވަޅު

(ހ) މި ގާނޫނުގެ މި ބައިގައި ބަޔާންކުރެވިފައިވާ ފިޔަވަޅުތަކަކީ، މި ގާނޫނުގެ އެހެނިހެން ބައިތަކުގައި ބަޔާންކުރެވިފައިވާ ފިޔަވަޅުތަކުގެ އިތުރުން އެޅިދާނެ ފިޔަވަޅުތަކެކެވެ.

(ށ) މި ގާނޫނުގެ ދަށުން މަނާ ކަމެއް ކަމަށް ކަނޑައަޅާފައިވާ ކަމެއް ކުންފުންޏަކުން ކޮށްފިނަމަ، ނުވަތަ މިފަދަ ކުންފުންޏެއްގެ ޑިރެކްޓަރެއް ނުވަތަ ކުންފުނި ހިންގުމުގައި އިސް ދައުރެއް އަދާކުރާ ފަރާތެއްގެ އެއްބާރުލުން ލިބިގެން ނުވަތަ އެހީތެރިވެގެން ނުވަތަ ބައިވެރިވެގެން އެފަދަ ކަމެއް ކުރިކަމަށް ސާބިތުވެއްޖެނަމަ ބެލެވޭނީ އެ ޑިރެކްޓަރެއް  ނުވަތަ އިސްފަރާތެއް އެކަމެއް ކުރީކަމަށެވެ.

(ނ) މި ގާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކާ، ނުވަތަ ލައިސަންސެއް  ނުވަތަ އެސައިންމަންޓެއް ދޫކުރެވޭއިރު ށަރުތުކުރެވޭ ކަންތައްތަކާ، ނުވަތަ މި ގާނޫނުގެ ދަށުން އަންގާ އެންގުންތަކާ، ނުވަތަ މި ގާނޫނުގައިވާ އެއްވެސް މާއްދާއަކާ ހިލާފުވެއްޖެނަމަ، އަދި އެކަމަކަށް މި ގާނޫނުގެ އެހެން މާއްދާއެއްގައި ވަކި ފިޔަވަޅެއް ކަނޑައަޅާފައިނުވާނަމަ، އެކަމެއް ކުރުމަށް ބޭނުންކުރި އެއްޗެއް އަތުލުމުގެ އިތުރަށް، އެކަމެއް ކުރި މީހަކު، ތިރީގައ ި ބަޔާންކުރެވިފައިވާ ޢަދަދުތަކަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

  1. ފިޔަވަޅު އެޅޭ ފުރަތަމަ މައްސަލައަށް 100,000 (އެއްލައްކަ) ރުފިޔާ؛
  2. ފިޔަވަޅު އެޅޭ ދެވަނަ މައްސަލައަށް 500,000 (ފަސްލައްކަ) ރުފިޔާ؛
  3. މީގެ އިތުރުން ފިޔަވަޅުއެޅޭ ކޮންމެ މައްސަލައަކަށް 1,000,000 (އެއް މިލިއަން) ރުފިޔާ؛
  4. އަދި މި އަކުރުގެ (1) ވަނަ ނަންބަރު، (2) ވަނަ ނަންބަރު އަދި، (3) ވަނަ ނަންބަރުގައިވާ ޖޫރިމަނާގެ އިތުރުން، ހިލާފުވެ ހުންނަ ކޮންމެ ދުވަހަކަށް 20,000 (ވިހިހާސް) ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ރ) ތިރީގައި ބަޔާންކުރެވިފައިވާ ކަންތައްތައް ފުރިހަމަވުމުން މެނުވީ އޮތޯރިޓީން ޖޫރިމަނާކޮށްގެން ނުވާނެއެވެ.

  1. މައްސަލައިގެ ބާވަތަށާއި ހާލަތަށް ބަލައި، ކުރެވޭ ޖޫރިމަނާއަކީ އެ މައްސަލައާ ނުވަތަ ޖޫރިމަނާކުރުމަށް މެދުވެރިވި ހާލަތާ ނުވަތަ ޖޫރިމަނާކުރުމަށް މެދުވެރިވަމުންދާ ހާލަތާ އެކަށީގެންވާ ޖޫރިމަނާއަކަށްވުން؛ އަދި
  2. މި ގާނޫނާ ހިލާފުވުމުގެ ސަބަބުން ޖޫރިމަނާއެއް ކަނޑައެޅޭ ފަރާތަށް އެ  ޖޫރިމާނާއެއް ކަނޑައެޅުމަށް މެދުވެރިވި ސަބަބު ރަނގަޅުކުރުމަށް އެކަށީގެންވާ ފުރުސަތެއް ދެވިއްޖެކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވުން އަދި ޖޫރިމަނާކުރުމަށް މެދުވެރިވި ސަބަބު ނުވަތަ ޖޫރިމަނާކުރުމަށް ކުރި ޢަމަލު ރަނގަޅުކުރުމަށް ނުވަތަ ހިލާފުވެފައިވާ ލައިސަންސްގައިވާ ށަރުތުތަކާ އެއްގޮތަށް ކަންތައްތައް ކުރުމަށް ނުވަތަ ހިލާފުވެފައިވަނީ މި ގާނޫނުގެ މާއްދާއަކާ ނުވަތަ ބަޔަކާނަމަ އެފަދަ ހިލާފެއް ރަނގަޅުކުރުމަށް އެކަށީގެންވާ ފުރުސަތެއް އެފަރާތަކަށް ނުވަތަ ލައިސަންސް ދޫކުރެވިފައިވާ ފަރާތަކަށް ދެވިއްޖެކަމަށް އޮތޯރިޓީއަށް ފެނުން؛ އަދި
  3. މި ގާނޫނާ ހިލާފުވުމުގެ ސަބަބުން ޖޫރިމަނާއެއް ކަނޑައެޅޭ ފަރާތުން އެފަރާތުގެ ދިފާޢުގައި ހުށަހަޅަން ބޭނުންވާ އެއްޗެއް ހުށަހެޅުމަށް އެކަށީގެންވާ ފުރުސަތެއް ދެވިފައިވުމާއި އަދި އެފަރާތުގެ ހުށަހެޅުންތަކަށް ރިޢާޔަތްކޮށް ޖޫރިމަނާކުރުމާ ބެހޭގޮތުން އޮތޯރިޓީން ގޮތެއް ނިންމުން.

 

75 ވަނަ މާއްދާ – މުވައްޒަފުންނާއި އޭޖެންޓުންނާއި ޑިރެކްޓަރުންގެ އަހްލާގް

(ހ) މި ގާނޫނުގެ ދަށުން ހިންގާ މައްސަލައެއްގައި ކުންފުންޏެއްގެ ޢަމަލުތަކާ ބެހޭގޮތުން އެފަދަ ކުންފުންޏެއްގެ ހާލަތު (ސްޓޭޓް އޮފް މައިންޑް) ދައްކުވައިދިނުމަށް ބޭނުންވެއްޖެ ހިނދެއްގައި ތިރީގައި ބަޔާންކުރެވިފައި އެވާ ކަންތައްތައް ފުދޭނެއެވެ.

  1. ކުންފުނީގެ ފަރާތުން ހިންގާފައިވާ ޢަމަލު ހިންގާފައިވަނީ ކުންފުނީގެ ޑިރެކްޓަރަކަށް (ނުވަތަ އެ ފެންވަރުގެ އޮފިސަރަކަށް) ނުވަތަ މުވައްޒަފަކަށް ނުވަތަ ކުންފުނީގެ އޭޖެންޓަކަށް ލިބިފައިވާ ނުވަތަ ލިބިފައިވާ ކަމަށް ބެލެވޭ ބާރުގެ ހުދޫދުގެ ތެރޭގައި ކަމަށްވުން؛ އަދި
  2. ކުންފުނީގެ ފަރާތުން ހިންގާފައިވާ ޢަމަލެއް ހިންގާފައިވަނީ، ކުންފުނީގެ ޑިރެކްޓަރެއް (ނުވަތަ އެ ފެންވަރުގެ އޮފިސަރެއް) ނުވަތަ މުވައްޒަފެއް ނުވަތަ ކުންފުނީގެ އޭޖެންޓެއްގެ އެންގުމުގެމަތިން ނުވަތަ އެފަރާތެއްގެ އިޒުނައާ އެކުގައި ކަމުގައިވުން.

(ށ) ކުންފުންޏެއްގެ ފަރާތުން ޑިރެކްޓަރެއް (ނުވަތަ އެހެން އޮފިސަރެއް)، ނުވަތަ މުވައްޒަފެއް، ނުވަތަ އޭޖެންޓެއް، އޭނާއަށް ބާރު ލިބިފައިވާ ދާއިރާގެ ތެރޭގައި ނުވަތަ އޭނާއަށް ބާރު ލިބިފައިވާކަމަށް ގަބޫލުކުރެވޭ ދާއިރާގެ ތެރޭގައި ކުރާކަމެއް ނުވަތަ އެމީހެއްގެ އެންގުމުގެ ދަށުން އެހެން މީހަކު ހިންގާ ޢަމަލަކީ، އެ ޢަމަލު ހިނގިޔަ ނުދިނުމަށް ކުންފުނީގެ ފަރާތުން އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިކަން ސާބިތުނުކޮށްދެވޭހާ ހިނދަކު، މި ގާނޫނުގެ ބޭނުމަށް އެ ޢަމަލުތަކަކީ ކުންފުނީގެ ފަރާތުންވެސް ބައިވެރިވި ޢަމަލުތަކެއް ކަމަށް ބެލެވޭނެއެވެ.

(ނ) މި ގާނޫނުގެ ދަށުން ހިންގާ މައްސަލައެއްގައި މީހެއްގެ ޢަމަލުތަކާ ބެހޭގޮތުން އެފަދަ މީހެއްގެ ހާލަތު (ސްޓޭޓް އޮފް މައިންޑް) ދައްކުވައިދިނުމަށް ބޭނުންވެއްޖެ ހިނދެއްގައ ި ތިރީގައި ބަޔާންކުރެވިފައިވާ ކަންތައްތައް ފުދޭނެއެވެ.

  1. ރިޢާޔަތްކުރެވޭ ޢަމަލެއް ކޮށްފައިވަނީ އެމީހެއްގެ އޭޖެންޓެއް ނުވަތަ މުވައްޒަފެއް، އެ އޭޖެންޓެއްގެ ނުވަތަ މުވައްޒަފެއްގެ ކަނޑައަޅާފައިވާ ނުވަތަ ދެވިފައިވާ ކަމަށް ބެލެވޭ ބާރުގެ ހުދޫދުގެ ތެރޭގައިނަމަ؛ ނުވަތަ
  2. އެ މުވައްޒަފެއް ނުވަތަ އޭޖެންޓަކީ ސަލާމަތް ބުއްދީގައި ހުރ ި މީހެއް ކަމުގައިވުން.

(ރ) މީހެއްގެ ފަރާތުން ކޮށްފައިވާ ޢަމަލަކީ އެމީހެއްގެ މުވައްޒަފެއް ނުވަތަ އޭޖެންޓެއް، އެ އޭޖެންޓެއްގެ ނުވަތަ މުވައްޒަފެއްގެ ކަނޑައަޅާފައިވާ ނުވަތަ ދެވިފައިވާ ކަމަށްބެލެވޭ ބާރުގެ ހުދޫދުގެ ތެރޭގައި ކޮށްފައިވާ ޢަމަލެއްނަމަ، ނުވަތަ އަންގާފައިވާ އެންގުމެއް ނުވަތަ އިރުށާދެއްގެމަތިން ހިންގާފައިވާ ޢަމަލެއްނަމަ، މި ގާނޫނުގެ ބޭނުމަށްޓަކައި ބެލެވޭނީ، އެކުރެވޭ ޢަމަލަކީ އެމީހަކު ކޮށްފައިވާ ޢަމަލެއް ކަމަށެވެ. މިނޫން ގޮތަކަށް ބެލެވޭނީ އެމީހަކު މިފަދަ ކުށެއް އެމީހެއްގެ މުވައްޒަފެއް ނުވަތަ އޭޖެންޓެއް ކޮށްފާނެކަމަށްޓަކައި އެކަށީގެންވާ ފިޔަވަޅުއަޅައި އެކަންކަން ސާބިތުކޮށްދެވިއްޖެނަމައެވެ.

(ބ) މި މާއްދާގެ (ހ) އާއި (ނ) ގައި މީހެއްގެ ސިކުނޑީގެ ހާލަތުގެ ތެރޭގައި މީހާގެ ނިޔަތާއި ހިޔާލާއި ތަޖުރިބާއާއި ގަބޫލުކުރާގޮތް ނުވަތަ ބޭނުންވާ ގޮތް، އަދި މީހާގެ ނިޔަތާއި ހިޔާލާއި ތަޖުރިބާއާއި ގަބޫލުކުރާގޮތް ނުވަތަ ބޭނުންވާގޮތް އެކަށައަޅާ ސަބަބުތައް ހިމެނެއެވެ.

 

76 ވަނަ މާއްދާ – ގާނޫނާ ހިލާފަށް ޓެލެކޮމިއުނިކޭށަންގެ ވަސީލަތެއް ބޭނުންކޮށްގެން މުއާސަލާތުކުރުން

މި ގާނޫނާ ހިލާފަށް ހިންގޭ ޓެލެކޮމިއުނިކޭށަންގެ ވަސީލަތެއް މެދުވެރިކޮށް، އެނގިހުރެ ނުވަތަ އެކަން ގަބޫލުކުރެވިހުރެ، މުއާސަލާތުކޮށްފިނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، އެމީހަކު 500,000 (ފަސްލައްކަ) ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

77 ވަނަ މާއްދާ – ޓެލެކޮމިއުނިކޭށަންގެ ބޭނުންކޮށް، ހުއްދައަކާ ނުލައި ކޮމްޕިއުޓަރާ ގުޅުން ގާއިމްކުރުން

(ހ) ގަސްދުގައި އެއްވެސް މީހަކު ޓެލެކޮމިއުނިކޭށަންގެ ހިދުމަތް ނުވަތަ ޓެލެކޮމިއުނިކޭށަންގެ ނެޓްވަރކެއްގެ ބޭނުންކޮށް، ކޮމްޕިއުޓަރުގެ ޒަރީޢާއިން ކޮމްޕިއުޓަރަކަށް އަޅާފައިވާ ޕްރޮގްރާމަކަށް ހުއްދައަކާ ނުލައި ވަދެފިނަމަ، ނުވަތަ ރައްކާކޮށްފައިވާ މަޢުލޫމާތު ހުއްދައަކާ ނުލައި ލިބިގަނެފިނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، އެމީހަކު 500,000 (ފަސްލައްކަ) ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް، އެފަދަ ކުށެއްކުރާ މީހާގެ ނިޔަތަކީ ތިރީގައި ބަޔާންކޮށްފައިވާ އެއްޗެއް ހާސިލުކުރުންކަމަށް ވާކަށްނުޖެހެއެވެ.

  1. ވަކި ޕްރޮގްރާމެއް ނުވަތަ މަޢުލޫމާތެއް؛
  2. ވަކި ވައްތަރެއްގެ ޕްރޮގްރާމެއް ނުވަތަ ވަކި ބާވަތެއްގެ މަޢުލޫމާތެއް؛
  3. ވަކި ކޮމްޕިއުޓަރެއްގައި ހުރި ޕްރޮގްރާމެއް ނުވަތަ މަޢުލޫމާތެއް.

 

78 ވަނަ މާއްދާ – ގާނޫނާ ހިލާފަށް މުއާސަލާތީ ގުޅުމެއް އިންޓަރސެޕްޓްކުރުން

(ހ) މި ގާނޫނުގެ ދަށުން ނުވަތަ އެހެން ގާނޫނެއްގެ ދަށުން ހުއްދަ ލިބިގެން މެނުވީ އަންނަނިވި ކަންކަން ކުރުމަކީ މަނާކަމެކެވެ.

  1. އެއްވެސް ބާވަތެއްގެ މުއާސަލާތީ ގުޅުމެއް އިންޓަރސެޕްޓްކުރުން ނުވަތަ އިންޓަރސެޕްޓްކުރުމަށް އުޅުން ނުވަތަ އެކަން ކުރުވުމަށް އެއްވެސް މީހަކަށް ހިތްވަރުދިނުން؛ (މީގެ ތެރޭގައި، ކޯޓުގެ އަމުރެއްގެ ދަށުން ނުވަތަ ގާނޫނުގައިވާ ގޮތުގެމަތިން ސަލާމަތީ ހިދުމަތްތަކުން މުއާސަލާތީ ގުޅުމެއް އިންޓަރސެޕްޓްކުރުމެއް ނުހިމެނެއެވެ.)
  2. މުއާސަލާތަކާ ގުޅިގެން އޭގައި ހިމެނޭ ބައިތަކާއި އެ ފޮނުވި ފަރާތްތަކާ ނުވަތަ ފޮނުވި ފަރާތުގެ އެޑްރެހާބެހޭ މަޢުލޫމާތު ހޯދުމަށް އިކުއިޕްމަންޓެއް ބޭނުންކުރުން؛
  3. މި މާއްދާއާ ހިލާފަށް ޓެލެކޮމިއުނިކޭށަންގެ ގުޅުމެއް ގާއިމުކޮށްގެން ހޯދާ މަޢުލޫމާތު ނުވަތަ މި މާއްދާއާ ހިލާފުވިކަމަށް ގަބޫލުކުރެވޭފަދަ ގޮތަކަށް ހޯދާފައިވާ މަޢުލޫމާތު، އެހެން މީހަކަށް ހާމަކުރުން ނުވަތަ ހާމަކުރުމަށް މަސައްކަތްކުރުން؛
  4. މި މާއްދާއާ ހިލާފަށް ޓެލެކޮމިއުނިކޭށަންގެ ގުޅުމެއް ގާއިމުކޮށްގެން ހޯދާ މަޢުލޫމާތު ނުވަތަ މި މާއްދާއާ ހިލާފުވިކަމަށް ގަބޫލުކުރެވޭފަދަ ގޮތަކަށް ހޯދާފައިވާ މަޢުލޫމާތު ބޭނުންކުރުން ނުވަތަ ބޭނުންކުރުމަށް މަސައްކަތްކުރުން.

(ށ) މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ހުއްދަ ލިބިގެން މުއާސަލާތީ ގުޅުމެއް އިންޓަރސެޕްޓްކޮށްގެން އެފަދަ މުއާސަލާތަކުން ލިބިގަނެވުނު މަޢުލޫމާތު، މީހަކު ގަސްދުގައި ހާމަކުރިއިރު ނުވަތަ ހާމަކުރުމަށް މަސައްކަތްކުރިއިރު، އެ މަޢުލޫމާތު ގަސްދުގައި ހާމަކުރުމަކީ ނުވަތަ ހާމަކުރުމަށް މަސައްކަތްކުރުމަކީ މި ގާނޫނުން ނުވަތަ އެހެން ގާނޫނަކުން ހުއްދަނުކުރާ ކަމަކަށްވާނަމަ، އެއީ މަނާ ކަމެކެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައިވާ ކަމެއް ކޮށްފިނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، އެމީހަކު 500,000 (ފަސްލައްކަ) ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ހ) ނުވަތަ (ށ) ގައިވާ ކަމަކާ ގުޅޭގޮތުން އޮތޯރިޓީގެ އޮފިސަރަކު، އޭނާ އަދާކުރަންޖެހޭ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ހެޔޮ ނިޔަތުގައި ކުރާ ކަމަކަށް، އެމީހަކު ޒިންމާ އުފުލާކަށް ނުޖެހޭނެއެވެ.

 

79 ވަނަ މާއްދާ – ގާއިމްކޮށްފައިވާ ޓެލެކޮމިއުނިކޭށަންގެ ވަސީލަތަކަށް ގަސްދުގައި ގެއްލުންދިނުން

މީހަކު ގަސްދުގައ ި ނުވަތަ ފަރުވާކުޑަކުރުމުގެ ސަބަބުން ނުވަތަ އިހުމާލުން ކުރާ ޢަމަލެއްގެ ސަބަބުން ޓެލެކޮމިއުނިކޭށަންގެ އެއްވެސް އިކުއިޕްމަންޓަކަށް ނުވަތަ އޭގެ ބަޔަކަށް ނަމަވެސް ގެއްލުންދިނުން، ނުވަތަ އެ ގާއިމުކޮށްފައިވާ ތަނަކުން ނެގުން ނުވަތަ މިނޫންވެސް ގޮތަކަށް އޭގެ މަސައްކަތަށް ބުރުލެއް އަރުވައިފިނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، އެފަދަ ކަމެއް ކުރި މީހަކު، 1,000,000 (އެއް މިލިއަން) ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

80 ވަނަ މާއްދާ – ހާލުގައިޖެހިގެން ކަމަށްބުނެ ފޮނުވާ ނުވަތަ އޮޅުވާލައިގެން ފޮނުވާ ދޮގު ސިގްނަލް ނުވަތަ މެސެޖް

ހާލުގައިޖެހިގެން އަވަސް ފުރުސަތެއްގެ ތެރޭގައި ސަލާމަތްކަން ލިބިގަތުމަށް ނުވަތަ ކާކުކަން އަންގައިދިނުމަށް ކަމަށްބުނެ، ޓެލެކޮމިއުނިކޭށަންގެ ނެޓްވަރކެއް ބޭނުންކޮށްގެން، އޮޅުވާލުމުގެ ނިޔަތުގައި، ދޮގު މަޢުލޫމާތުދޭ ސިގްނަލެއް ނުވަތަ މެސެޖެއް ފޮނުވައިފިނަމަ ނުވަތަ ފޮނުވަން މަސައްކަތްކޮށްފިނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، އެކަމެއް ކުރި މީހަކު 10,000 (ދިހަހާސް) ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

81 ވަނަ މާއްދާ – ހުއްދައަކާ ނުލައި ބައެއް ބިންބިމަށް ވަނުން

ޓެލެކޮމިއުނިކޭށަންގެ ހިދުމަތް ފޯރުކޮށްދޭ ފަރާތެއްގެ ބެލުމުގެ ދަށުގައިވާ އެއްވެސް ބިމަކަށް ހުއްދައަކާ ނުލައި ނުވަތަ މަގުބޫލު ސަބަބެއްނެތި އެރުމަކީ ނުވަތަ އެތަނުގައި ހުރުމަކީ މަނާ ކަމެކެވެ. އަދި އެއިން ކަމެއްކުރި މީހަކު 10,000 (ދިހަހާސް) ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށ ްލިބިގެންވެއެވެ.

 

82 ވަނަ މާއްދާ – އޮތޯރިޓީގެ މަސައްކަތްތަކަށް ހުރަސްއެޅުން

މި ގާނޫނުގެ ދަށުން އޮތޯރިޓީގެ ފަރާތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި، އެއްވެސް މީހަކު ގަސްދުގައި އެފަރާތަށް ހުރަސްއަޅައިފިނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، އެކަމެއް ކުރި މީހަކު 500,000 (ފަސްލައްކަ) ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

83 ވަނަ މާއްދާ – އޮތޯރިޓީގެ އޮފިސަރުންނާމެދު ފިޔަވަޅު އެޅުން

 އޮތޯރިޓީގެ އޮފިސަރަކު، އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް ކޮށްފިނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، އެކަމެއް ކުރި މީހަކު 500,000 (ފަސްލައްކަ) ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ހ) ވަކި ފަރާތަކަށް ފޮނުވުމަށް ނުވަތަ ރައްދުކުރުމަށްޓަކައި ލިބިފައިވާ އެއްވެސް މުއާސަލާތެއް ގަސްދުގައި ހަލާކުކޮށްލުން ނުވަތަ އެ ފޮނުވަންޖެހޭ ފަރާތްނޫން އެހެން ފަރާތަކަށް ފޮނުވުން ނުވަތަ އެ ބަދަލުކުރުން؛

(ށ) ސައްހަނޫންކަމަށް ގަބޫލުކުރެވޭ ނުވަތަ ބަދަލުގެނެސްފައިވާ މުއާސަލާތެއް އަނގަބަހުން ބުނުން ނުވަތަ އެ މުއާސަލާތެއް ސައްހަނޫން ގޮތަށް ނަކަލުކުރުން؛

(ނ) ގަސްދުގައި މުއާސަލާތެއް ފޮނުވުމަށް ފަސްޖެހުން ނުވަތަ ހިނގަމުންދާ މުއާސަލާތަކަށް ގަސްދުގައި އިންޓަރސެޕްޓްކުރުން ނުވަތަ ހިފެހެއްޓުން ނުވަތަ ލަސްކުރުން؛

(ރ) އޭނާ އަދާކުރާ ވަޒީފާގެ ގޮތުން ނުވަތަ ގާނޫނުގައިވާ ގޮތުގެމަތިން ނުވަތަ ވަކި ގޮތަކަށް ކޯޓަކުން އަންގާފައިވާ ހާލަތުގައި މެނުވީ، އެއްވެސް މުއާސަލާތެއް ލިބެންޖެހޭކަމަށް އެޑްރެސްކުރެވިފައިވާ ފަރާތަށް ފިޔަވައި އެހެން ފަރާތަކަށް ފޮނުވުމަށްޓަކައި އެ މުއާސަލާތެއް ނަކަލުކުރުން ނުވަތަ ހާމަކުރުން.

 

84 ވަނަ މާއްދާ -  ފެންވަރު ނެތް އިކުއިޕްމަންޓް ބޭނުންކުރުން

(ހ) އެނގިހުރެ ނުވަތަ މަގުބޫލު ޢުޒުރަކާ ނުލައި ފެންވަރުނެތް އިކުއިޕްމަންޓް ބޭނުންކޮށްގެން ރޭޑިއޯ ސިގްނަލެއް ފޮނުވައިފިނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، އެކަމެއް ކުރި މީހަކު 1,000,000 (އެއް މިލިއަން) ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ. އަދި މިގޮތުން ޖޫރިމަނާކުރުމަށްފަހު، ފެންވަރުނެތް އިކުއިޕްމަންޓް ބޭނުންކުރާ ކޮންމެ ދުވަހަކަށް ނުވަތަ ދުވަހުގެ ބަޔަކަށް 20,000 (ވިހިހާސް) ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ށ) މި ބާބުގެ ބޭނުމަށްޓަކައި "ފެންވަރު ނެތް އިކުއިޕްމަންޓް" ކަމަށް ބުނެފައ އެވަނީ، މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކަނޑައެޅިފައިވާ ފަންނީ މިންގަނޑުތަކާ ނުވަތަ ހެދިފައިވާ އުސޫލީ އޮނިގަނޑުތަކާ ތަޢާރުޒުވާ ޓެލެކޮމިއުނިކޭށަންގެ އިކުއިޕްމަންޓް ނުވަތަ ރޭޑިއޯ ކޮމިއުނިކޭށަންގެ އިކުއިޕްމަންޓަށެވެ.

(ނ) އަންނަނިވި ކަންކަމުންކުރެ ކަމެއް ކޮށްފި މީހަކު 100,000 (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

  1. ފެންވަރު ނެތް އިކުއިޕްމަންޓް ބޭނުންކުރުން؛
  2. އެ އިކުއިޕްމަންޓަކީ ފެންވަރު ނެތް އެއްޗެއްކަން އެގިހުރެ ނުވަތަ ގަބޫލުކުރެވިހުރެ، އެފަދަ އިކުއިޕްމަންޓް އިންސްޓޯލްކުރުމަށް ނުވަތަ ބޭނުންކުރުމަށް ނުވަތަ އޮޕަރޭޓްކުރުމަށް އަތުގައި ބެހެއްޓުން؛ ނުވަތަ
  3. ފެންވަރުނެތް އިކުއިޕްމަންޓް ސަޕްލައިކޮށްދިނުމަށް ހުށަހެޅުން ނުވަތަ ސަޕްލައިކޮށްދިނުން ނުވަތަ އެފަދަ ތަކެތި ސަޕްލައިކޮށްދިނުމުގެ ބޭނުމުގައި އަތުގައި ބެހެއްޓުން.

(ރ) ވަކި އިކުއިޕްމަންޓެއްގެ ފެންވަރުނެތް ކަމަށް އޮތޯރިޓީން ކަނޑައަޅައި، ސެޓިފައިކޮށް ދޫކުރާ ކޮންމެ ލިޔުމަކީ މި ގާނޫނުގެ ދަށުން ބަލާ ކޮންމެ މައްސަލައެއްގައިވެސް، އެހެން ގޮތަކަށް ސާބިތުކޮށްނުދެވޭހާ ހިނދަކު، އެ އިކުއިޕްމަންޓަކީ ފެންވަރު ނެތް އެއްޗެއް ކަމަށް ސާބިތުކޮށްދެވޭނެ ހެއްކެއް ކަމުގައި ބެލެވޭނެއެވެ.

 

85 ވަނަ މާއްދާ – އާންމުކޮށް ދެވޭ ޓެލެކޮމިއުނިކޭށަންގެ ހިދުމަތް ލިބިދިނުމުގެ ހައްގު

އެއްވެސް އެއްބަސްވުމެއްގައި، ބިމެއް ކުއްޔަށްހިފާ ފަރާތުން ނުވަތަ އެތަނުގައި އުޅެމުން އަންނަ ފަރާތަކުން ޓެލެކޮމިއުނިކޭށަންގެ ހިދުމަތް ހޯދުމަށް ހުރަސްއަޅާ ގޮތަކަށް ނުވަތަ އެ ހައްގަށް އުނިކަމެއް އަންނަ ގޮތަކަށް މާއްދާއެއް އޮތްނަމަ އެ މާއްދާއަކީ ބާތިލު އެއްޗެކެވެ.

 

ދެވަނަ ބާބު

އޮތޯރިޓީން އަންގާ އެންގުންތައް ތަންފީޒުކުރުން

 

86 ވަނަ މާއްދާ – އޮތޯރިޓީގެ ފަރާތުން އޮފިސަރުންނަށް ހުއްދަދިނުން

މި ބައިގެ ތިންވަނަ ބާބާއި ހަތަރުވަނަ ބާބުގައިވާ ގޮތުގެމަތިން، އޮތޯރިޓީއަށް ލިބިދޭ ބާރުތައް ތަންފީޒުކުރުމުގެ ހުއްދަ ތިރީގައިވާ ފަރާތްތަކަށް އޮތޯރިޓީން ލިޔުމުން ދެވިދާނެއެވެ. އަދި މި ބުނެވުނު ބާބުތަކުގައި އޮތޯރިޓީއަށް ހަވާލާދީފައިވާ ތަންތާނގައި ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތައްވެސް ށާމިލުވެއެވެ.

(ހ) ހުއްދަ ދޫކުރެވޭ ސަރުކާރުގެ މުވައްޒަފެއް (ފުލުހުންގެ އޮފިސަރުންވެސް ހިމެނޭ ގޮތަށް)؛ ނުވަތަ

(ށ) ހުއްދަ ދޫކުރެވޭ އޮތޯރިޓީގެ މުވައްޒަފެއް.

 

87 ވަނަ މާއްދާ – ކުށުގެ ތުހުމަތުގައި ބަލައި ފާސްކުރުމާއި ހިފެހެއްޓުން

(ހ) ކުށުގެ މައްސަލަތައް ތަހްގީގުކުރާ ފަރާތްތަކާ ގުޅިގެން އޮތޯރިޓީއަށް އަންނަނިވި ކަންކަން ކުރެވިދާނެއެވެ.

  1. މި ގާނޫނުގައިވާ ކުށެއް ކުރިކަމަށް ތުހުމަތުކުރެވޭ މީހުން ތަހްގީގުކުރުމަށްޓަކައި ހައްޔަރުކުރަން އެންގުން؛
  2. މި އަކުރުގެ (5) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ބިމެއްގައި، ނުވަތަ ޢިމާރާތެއްގައި، ނުވަތަ އެއްގަމު ނުވަތަ ކަނޑު ނުވަތަ ވައިގެ ދަތުރުފަތުރުކުރާ އުޅަނދެއްގައި، ހިފަހައްޓަންޖެހޭ އެއްޗެއް ހުރިކަމަށް އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް އޮތޯރިޓީއަށް ގަބޫލުކުރެވޭނަމަ، އޮތޯރިޓީން އެފަދަ ތަނަކަށްވަދެ ނުވަތަ އެއްޗަކަށް އަރައި، އެތަނެއް ނުވަތަ އެއްޗެއް ބަލައި، ފާސްކުރުން؛
  3. މި އަކުރުގެ (5) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ހިފަހައްޓަންޖެހޭ އެއްޗަކީ އަލަމާރިއެއްގައި، ހަރުގަނޑެއްގައި، ފޮއްޓެއްގައި، ނުވަތަ ބަންދުކުރެވިފައިވާ އެއްޗެއްގެ ތެރޭގައި، ނުވަތަ ތަނެއްގައި ހަރުކޮށްފައިވާ ނުވަތަ ހަރުނުކޮށްހުރި އެބާވަތުގެ އެއްޗެއްގައި ހުރި އެއްޗެއްކަމަށްވިއަސް، ހިފަހައްޓަންޖެހޭ އެއްޗެއް ހުރިކަމަށް އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް އޮތޯރިޓީއަށް ގަބޫލުކުރެވޭނަމަ، އެ އެއްޗެއް ހަލާކުކޮށްލައިގެން ހުޅުވައި ބަލައި، ފާސްކުރުން؛
  4. މި އަކުރުގެ (5) ވަނަ ނަންބަރުގައިވާ ބާވަތުގެ އެއްޗެއް މީހެއްގެ އަތުގައި އޮތްކަމަށް އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށްއޮތޯރިޓީއަށް ގަބޫލުކުރެވޭނަމަ، އެމީހެއްގެ ހަށިގަނޑު ބަލައި، ފާސްކުރުން؛
  5. އަންނަނިވި ތަކެތި އޮތޯރިޓީގެ ފަރާތުން ބަލައި، ފާސްކޮށް، ހިފަހައްޓައި، ނަގައި، އަދި ބެހެއްޓުން:
    (ހހ) މި ގާނޫނުގެ ދަށުން ކުށްވެރިވާނެ ކަމަށް ބެލެވޭފަދަ ކަމެއް ކުރުމަށް ބޭނުންކުރެވިދާނެކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވޭ ކޮންމެ އެއްޗެއް؛
    (ށށ) މި ގާނޫނުގެ ދަށުން ކުށްވެރިވާނެކަމަށް ބެލެވޭފަދަ ކަމެއް ކުރިކަމަށް ބެލެވޭ ނުވަތަ އެފަދަ ކަމެއް ކުރިކަމުގެ ހެއްކާއި ގަރީނާތައް ހުރި ނުވަތަ އެފަދަ ކަމެއް ކުރިކަމަށް ގަބޫލުކުރެވޭފަދަ ހެއްކާއި ގަރީނާ ލިބޭ ކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވޭ ކޮންމެ އެއްޗެއް؛
    (ނނ) ކުށެއް ކުރުމުގެ ގަސްދުގައި ނުވަތަ ކުށެއް ކުރުމުގެ ބޭނުމަށް، ބޭނުންކުރި ކޮންމެ އެއްޗެއް؛
    (ރރ) މި ގާނޫނުގެ ދަށުން ކުށަކަށް ބެލެވޭ ކަމެއްގެ ތަހްގީގަށް ކޮންމެހެން ބޭނުންވާކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވޭ އެއްޗެއް ނުވަތަ އެފަދަ އެއްޗެއް އެކުލެވޭ އެއްޗެއް.
  6. އޮތޯރިޓީއަށް ލިޔެކިޔުމުން އަންގަންޖެހޭ ބާވަތުގެ އެއްވެސް ޓެލެކޮމިއުނިކޭށަންގެ އިކުއިޕްމަންޓެއް ނުވަތަ ރޭޑިއޯ ކޮމިއުނިކޭށަންގެ އިކުއިޕްމަންޓެއް ނުވަތަ ޓެލެކޮމިއުނިކޭށަންގެ ބޭނުންހިފުމަށް ބޭނުންކުރެވިދާނެ އިކުއިޕްމަންޓެއް އުފައްދައި ނުވަތަ ވިއްކުމުގެ ބޭނުމަށް އެތަކެތި ބަހައްޓާފައި ހުންނަ ތަންތަނަށް ވަނުމާއި އެފަދަ ތަކެތި ބަލައި، ފާސްކުރުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އޮތޯރިޓީން ބަލައި، ފާސްކުރުމުގައި، ކޮމްޕިއުޓަރުގައި ރައްކާކޮށްފައިވާ ނުވަތަ އެނޫންވެސް ގޮތަކަށް އޭގައި ހުންނަ މަޢުލޫމާތު ލިބޭނެގޮތް ހަމަޖައްސައިދޭންވާނެއެވެ. މި މާއްދާގެ ބޭނުމަށް މަޢުލޫމާތު ލިބޭނެގޮތް ހަމަޖައްސައިދިނުމަކީ އެކަމަށް ބޭނުންވާ ޕާސްވޯޑާއި އެންކްރިޕްށަން ކޯޑާއި ޑިކްރިޕްށަން ކޯޑާއި ސޮފްޓްވެއަރ ނުވަތަ ހާޑްވެއަރ އަދި މިނޫންވެސް އެފަދަ މަޢުލޫމާތު ހާމަކަމާއެކު ފުރިހަމައަށް ލިބިގަތުމަށް ބޭނުންވާނެ އެންމެހައި ކަންކަން ކޮށްދިނުމެވެ.

 

88 ވަނަ މާއްދާ – ކުށަކަށް އަރައިގަތުމުން މުދާ އަތުލުމާއި ހިފެހެއްޓުން

މި ގާނޫނާ ހިލާފަށް ނުވަތަ ހިލާފުވީކަމަށް ބެލެވޭފަދަ ގޮތަކަށް އެއްވެސް އިކުއިޕްމަންޓެއް ނުވަތަ އެއްޗެއް ބޭނުންކުރުމުން، ކޯޓު އަމުރެއް މެދުވެރިކޮށް އެ އެއްޗެއް އަތުލައި ހިފެހެއްޓުމަށް އޮތޯރިޓީން ނުވަތަ ސަރުކާރުގެ ކަމާބެހޭ އޮފިސަރަކު ކޯޓަށް ހުށަހެޅިދާނެއެވެ.

 

ތިންވަނަ ބާބު

މަޢުލޫމާތު ހޯދާ އެއްކުރުމަށް އޮތޯރިޓީއަށް ލިބޭ ބާރު

 

89 ވަނަ މާއްދާ – މައުލޫމާތާއި ލިޔެކިޔުން ހޯދުމުގެ އިހްތިޔާރު

(ހ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އޮތޯރިޓީއަށް ލިބިފައިވާ އިހްތިޔާރު ތިރީގައި ބަޔާންކުރެވިފައިވާ ފަރާތްތަކަށް (ލައިސަންސް ލިބިފައިވާ ފަރާތްތައްވެސް ހިމެނޭ ގޮތުގެމަތިން) ހިންގިދާނެއެވެ.

  1. މި ގާނޫނުގެ ދަށުން އޮތޯރިޓީއަށް ލިބިދޭ ބާރެއް ހިންގުމުގައި ނުވަތަ މަސްއޫލިއްޔަތެއް އަދާކުރުމަށް ބޭނުންވާ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ނުވަތަ އެއްވެސް ލިޔެކިޔުމެއް އެމީހެއްގެ އަތުގައި އޮތް ނުވަތަ އޮތް ކަމަށް ބެލެވޭ މީހެއް؛
  2. މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އޮތޯރިޓީއަށް ލިބިދޭ ބާރެއް ހިންގުމުގައި ނުވަތަ މަސްއޫލިއްޔަތެއް އަދާކުރުމަށް އޮތޯރިޓީއަށް ބޭނުންވާކަމަށް އެފަރާތުން ގަބޫލުކުރެވޭ ހެކިބަހެއް ދެވިދާނެފަދަ މީހެއް.

(ށ) ވަކި ގާނޫނަކުން ކަނޑައެޅިގެން މަނާނުކުރާހާ ހިނދަކު، އަންނަނިވި ކަންކަން ލިޔެކިޔުމުން ކުރުމަށް އޮތޯރިޓީން ކޮންމެ މީހަކަށްވެސް އެންގިދާނެއެވެ.

  1. އޮތޯރިޓީން ފޮނުވާ ލިޔުމެއްގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި އެ ލިޔުމުގައި ކަނޑައަޅާފައިވާ ގޮތެއްގެމަތިން އެފަރާތަކުން އޮތޯރިޓީއަށް ބޭނުންވާ އެންމެހައި މަޢުލޫމާތު ފޯރުކޮށްދިނުން؛
  2. އޮތޯރިޓީން ފޮނުވާ ލިޔުމެއްގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި އެ ލިޔުމުގައި ކަނޑައަޅާފައިވާ ގޮތެއްގެމަތިން އެފަރާތަށް ބޭނުންވާ އެންމެހައި ލިޔެކިޔުންތައް (އޭގެ މާއްދީ ގޮތުގައި ނުވަތަ އިލެކްޓްރޯނިކް ގޮތުގައި) ފޮނުވުން؛
  3. އޮތޯރިޓީން ފޮނުވާ ލިޔުމެއްގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި އެ ލިޔުމުގައި ކަނޑައަޅާފައިވާ ގޮތެއްގެމަތިން އޮތޯރިޓީއަށް ބޭނުންވާ އެންމެހައި ލިޔެކިޔުންތަކުގެ އަސްލާ އެއްގޮތަށް އޭގެ ނަކަލު ތައްޔާރުކުރުން؛
  4. އޮތޯރިޓީން ލިޔުން ފޮނުވަނީ އަމިއްލަ ފަރުދަކަށްކަމަށްވާނަމަ، އޮތޯރިޓީން ފޮނުވާ ލިޔުމުގައި ކަނޑައަޅާފައިވާ ވަގުތެއްގައި، އެފަރާތުން އަންގާ ތަނަކަށް އެމީހަކު ގޮސް އަނގަބަހުން ނުވަތަ ލިޔެކިޔުމުން (އޭގެ މާއްދީ ގޮތުގައި ނުވަތަ އިލެކްޓްރޯނިކް ގޮތުގައިވިއަސް) ހެކިބަސް ދިނުން؛
  5. އޮތޯރިޓީން ލިޔުން ފޮނުވާ ފަރާތަކީ ގާނޫނީ ށަހްސެއްނަމަ، އެފަދަ ތަނަކުން ޖަވާބުދާރީވާނެ އިސްވެރިޔަކު އޮތޯރިޓީން ފޮނުވާ ލިޔުމުގައި ކަނޑައަޅާފައިވާ ވަގުތަކަށް، އެ ލިޔުމުގައި ބަޔާންކޮށްފައިވާ ތަނަކަށް އެމީހަކު ގޮސް އެމީހަކާއި އޮތޯރިޓީއާދެމެދު ބާއްވާ ބައްދަލުވުމުގައި، އަނގަބަހުން ނުވަތަ ލިޔުމުން (އޭގެ މާއްދީ ގޮތުގައި ނުވަތަ އިލެކްޓްރޯނިކް ގޮތުގައިވިއަސް) ހެކިބަސްދިނުން؛ ނުވަތަ
  6. އޮތޯރިޓީން ލިޔުން ފޮނުވާ ފަރާތަކީ  ޕާޓްނަރށިޕެއްނަމަ، އެ ޕާޓްނަރށިޕެއްގެ ފަރާތުން ޕާޓްނަރަކު ނުވަތަ މުވައްޒަފަކު، އޮތޯރިޓީއަށް ހާޒިރުވެ، އޮތޯރިޓީން ފޮނުވާ ލިޔުމުގައި ކަނޑައަޅާފައިވާ ވަގުތަކަށް އެ ލިޔުމުގައި ބަޔާންކޮށްފައިވާ ތަނަކަށްގޮސް އަނގަބަހުން ނުވަތަ ލިޔުމުން (އޭގެ މާއްދީ ގޮތުގައ ި ނުވަތަ އިލެކްޓްރޯނިކް ގޮތުގައިވިއަސް) ހެކިބަސް ދިނުން.

 

90 ވަނަ މާއްދާ – އޮތޯރިޓީން އަންގާ ގޮތަށް އަމަލުކުރުން

(ހ) މި ގާނޫނުގެ 89 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ހުރިހާ ފަރާތަކުންވެސް ޢަމަލުކުރަންވާނެއެވެ.

(ށ) އެއްވެސް މީހަކު، މަގުބޫލު ސަބަބެއްނެތި، މި ގާނޫނުގެ 89 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އޮތޯރިޓީން ކަނޑައަޅާގޮތަށް ޢަމަލުކުރުމަށް ޢުޒުރުވެރިވެއްޖެނަމަ، އެމީހަކު 1,000,000 (އެއް މިލިއަން) ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ. އަދި އެ މާއްދާއާ ހިލާފުވެހުރެ ހިނގާ ކޮންމެ ދުވަހަކަށް ނުވަތަ ދުވަހުގެ ބަޔަކަށް 20,000 (ވިހިހާސް) ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ނ) މި ގާނޫނުގެ 89 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އޮތޯރިޓީން ކަނޑައަޅާ ގޮތަކަށް ޢަމަލުކުރުމުގައި މީހަކު ގަސްދުގައި ނުވަތަ ފަރުވާކުޑަކުރުމާއެކު، ތިރީގައިވާ ގޮތަކަށް ޢަމަލުކޮށްފިނަމަ، އެމީހަކު 1,000,000 (އެއް މިލިއަން) ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ. އަދި އެ މާއްދާއާ ހިލާފުވެހުރެ ހިނގާ ކޮންމެ ދުވަހަކަށް ނުވަތަ ދުވަހުގެ ބަޔަކަށް 20,000 (ވިހިހާސް) ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

  1. ބޭނުންވާ މަޢުލޫމާތު ނުވަތަ ލިޔެކިޔުން ނުވަތަ ހެއްކާއި ގަރީނާ ދިނުމަށް ނުވަތަ ހާމަކުރުމަށް ޢުޒުރުވެރިވުން؛
  2. ފޯރުކޮށްދޭ ނުވަތަ ހާމަކުރާ މަޢުލޫމާތު ނުވަތަ ލިޔެކިޔުން ނުވަތަ އޭގެ ނަކަލު ނުވަތަ ހެއްކާއި ގަރީނާއަކީ އެއްވެސް ސިފައެއްގައިދޮގު އެއްޗަކަށް ނުވަތަ އޮޅުވާލުމެއްވާ އެއްޗަކަށްވާ ހިނދު އެ މަޢުލޫމާތު ނުވަތަ ލިޔެކިޔުން ހުށަހެޅުން.

(ރ) މި މާއްދާގެ (ނ) ގައިވާ ލިޔެކިޔުމެއް އޮތޯރިޓީއަށް ހުށަހަޅާއިރު، އެ ހުށަހެޅި ފަރާތަކީ މީހެއް ނުވަތަ ކުންފުންޏެއްކަމަށްވާނަމަ، އެމީހެއްގެ ނުވަތަ އެ ކުންފުންޏެއްގެ ފަރާތުން ޖަވާބުދާރީވާނެ އިސްވެރިޔަކު، އަންނަނިވި ގޮތުގެމަތިން ލިޔެ ސޮއިކޮށް ލިޔުމެއް ހުށަހަޅާފައިވާނަމަ މި މާއްދާގެ (ނ) ގެ ދަށުން ކުށްވެރިއެއް ނުވާނެއެވެ.

  1. ހުށަހަޅާ ލިޔެކިޔުމަކީ ނުވަތަ އޭގެ ނަކަލަކީ، އެ ހުށަހަޅާ މީހާއަށް އެނގިފައިވާ ގޮތުން ދޮގު ނުވަތަ އޮޅުވާލާފައިވާ މަޢުލޫމާތުގެ މައްޗަށް އެކުލެވޭ އެއްޗެއްކަމަށް ބަޔާންކޮށްފައިވުން؛
  2. ހުށަހަޅާ ލިޔެކިޔުންތައް ނުވަތަ އޭގެ ނަކަލުން ލިބިދޭ ނުވަތަ ހަވާލާދެވޭ މަޢުލޫމާތަކީ، އެ ހުށަހަޅާ މީހާއަށް އެނގިފައިވާ ގޮތުން ދޮގު ނުވަތަ އޮޅުވާލާފައިވާ މަޢުލޫމާތުގެ މައްޗަށް އެކުލެވޭ އެއްޗެއްކަމަށް ބަޔާންކޮށްފައިވުން.

(ބ) މި މާއްދާގެ ބޭނުމަށް ލިޔެކިޔުން ނުވަތަ މަޢުލޫމާތުގެ ތެރޭގައި ހިމެނެނީ އިލެކްޓްރޯނިކް ގޮތުގައި ނުވަތަ މިނޫންވެސް ގޮތެއްގައި ރެކޯޑުކޮށްފައިވާ މަޢުލޫމާތެވެ. އަދި މި މާއްދާގެ ބޭނުމަށް މަޢުލޫމާތުދިނުމަށް ނުވަތަ ލިޔެކިޔުމެއް ހުށަހެޅުމަށް އެފަރާތަށް މަސްއޫލިއްޔަތު ލާޒިމުކުރުވުމަކީ، އެ ލިޔެކިޔުން ބަލައި އޮޅުންފިލުވުމަށް ބޭނުންވާނެ އެކަށީގެންވާ ނިޒާމެއް ގާއިމުކޮށްދިނުމުގެ މަސްއޫލިއްޔަތު ނުވަތަ އެ ލިޔެކިޔުން އެކުލެވިގެންވާ ލިޔުންތަކާއި މަޢުލޫމާތު ލިޔުމެއްގެ ސިފައިގައި ކަރުދާހަށް ނެގުމަށް ބޭނުންވާނެ ޕާސްވޯޑާއި އެންކްރިޕްށަން ކޯޑާއި ޑިކްރިޕްށަން ކޯޑާއި ސޮފްޓްވެއަރ ފޯރުކޮށްދިނުމަށް އަދި ރެކޯޑުކޮށްފައިވާ މަޢުލޫމާތު ފުރިހަމައަށް، ހާމަކޮށް ލިބިގަތުމަށް ބޭނުންވާނެ އެންމެހައި ގޮތްތައް ހޯދައިދިނުމެވެ.

 

91 ވަނަ މާއްދާ – ލިޔެކިޔުމާއި ނަކަލުތައް އޮތޯރިޓީގެ ބެލުމުގެ ދަށުގައި ބެހެއްޓުން

(ހ) މި ބާބުގެ ދަށުން އޮތޯރިޓީގެ ބޭނުމަށް އެފަރާތަށް ހުށަހަޅާ ލިޔެކިޔުމެއް، އޮތޯރިޓީގެ ބޭނުން ނިމެންދެން، އޮތޯރިޓީގެ ބެލުމުގެ ދަށުގައި ބެހެއްޓިދާނެއެވެ.

(ށ) މި ބާބުގެ ދަށުން އޮތޯރިޓީއަށް ފޮނުވާ ނުވަތަ ހުށަހަޅަންޖެހޭ ލިޔެކިޔުމެއް ނުވަތަ އޭގެ ނަކަލު، އޮތޯރިޓީން ބެލުމަށްފަހު، އެފަދަ ލިޔެކިޔުމަކުން ނުވަތަ އޭގެ ނަކަލަކުން ކޮޕީ ހައްދައި، ބަހައްޓަން ބޭނުންވެއްޖެނަމަ ނުވަތަ އެފަދަ ލިޔެކިޔުމަކުން ވަކި ހާއްސަ ބައެއް ނަގަން ބޭނުންވެއްޖެ ހިނދެއްގައ ި އެކަންކުރެވިދާނެއެވެ.

(ނ) އޮތޯރިޓީއަށް ލިބިގަނެވޭ އެންމެހައި މަޢުލޫމާތު ނުވަތަ ހެއްކާއި ގަރީނާތައް ނުވަތަ މި ގާނޫނުގެ 89 ވަނަ މާއްދާގެ (ށ) ގެ ދަށުން އެފަރާތަށް ހުށަހަޅާ ލިޔެކިޔުންތަކުގެ ރެކޯޑެއް ބަލަހައްޓައި ޢާންމުންނަށް ލިބޭ ގޮތަށް އޮތޯރިޓީން ހަމަޖައްސަންވާނެއެވެ.

 

92 ވަނަ މާއްދާ - މައުލޫމާތު ހާމަކުރުން

(ހ) މި ބާބުގެ ދަށުން ތިރީގައި ބަޔާންކޮށްފައިވާ ގޮތަކަށް މެނުވީ އޮތޯރިޓީން އެއްވެސް މަޢުލޫމާތެއް ނުވަތަ ލިޔެކިޔުމެއް ހާމަކޮށްގެން ނުވާނެއެވެ.

  1.  މި މާއްދާގެ (ށ) އާ އެއްގޮތްވާ ގޮތުގެމަތިން ޢަމަލުކުރުން؛ އަދި
  2. ޢާންމު މަސްލަހަތަށްޓަކައި، ލިޔެކިޔުމެއް ނުވަތަ އެކައުންޓަކާބެހޭ މަޢުލޫމާތެއް ހާމަކުރަންޖެހޭކަމަށް އޮތޯރިޓީއަށް ފެނުން.

(ށ) އޮތޯރިޓީގެ ފަރާތުން އަންނަނިވި ކަންތައްތައް ބަލަންވާނެއެވެ.

  1. މި ބާބުގެ ދަށުން އޮތޯރިޓީއަށް މީހަކު ފޮނުވާ ނުވަތަ ހުށަހަޅަންޖެހޭ މަޢުލޫމާތު ނުވަތަ ލިޔެކިޔުންތައް ހާމަކުރުމަށް އެމީހަކު ހުށަހަޅާ އެންމެހައި ކަންތައްތަކަށް އެކަށީގެންވާ ފުރުސަތުދިނުން؛
  2. ލިޔެކިޔުންތައް ހާމަކުރުމާމެދު ގޮތެއް ނިންމުމުގެ ކުރިން، އޮތޯރިޓީއަށް މީހަކު ފޮނުވާ ނުވަތަ ހުށަހަޅަންޖެހޭ މަޢުލޫމާތު ނުވަތަ ލިޔެކިޔުންތައް ހާމަކުރުމަށް އެމީހަކު ހުށަހަޅާ އެންމެހައި ކަންތައްތަކަށް ރިޢާޔަތްކުރުން.

(ނ) މި ބާބުގެ ދަށުން މީހަކު އޮތޯރިޓީއަށް ހުށަހަޅާ މަޢުލޫމާތު ނުވަތަ ލިޔެކިޔުމަކ ީ އެހެން މީހަކާދެމެދު ވެވިފައިވާ އެއްބަސްވުމުގެ ދަށުން ސިއްރު އެއްޗެއް ކަމަށާއި އެ މަޢުލޫމާތު ނުވަތަ ލިޔެކިޔުން އެހެން ފަރާތަކަށް ހާމަކޮށްގެން ނުވާނެކަން އެފަދަ އެއްބަސްވުމެއްގައި ކަނޑައެޅިގެން ބުނެފައިނުވާހާ ހިނދަކު، އެފަދަ އެއްބަސްވުމަކާ ހިލާފުނުވާ ގޮތެއްގެމަތިން ހުށަހެޅޭ މަޢުލޫމާތު ނުވަތަ ލިޔެކިޔުންކަމަށްވާނަމަ، އެ ހުށަހެޅި މީހަކާމެދު އެއްވެސް ކަހަލަ މަދަނީ މައްސަލައެއް ނުވަތަ އެމީހެއްގެ އަތުން މަދަނީ ބަދަލެއް ނަގައެއް ނުދެވޭނެއެވެ.

 

93 ވަނަ މާއްދާ – ޖިނާއީ ކުށުގެ ދައުވާ އުފުލުމަށް މައުލޫމާތު ބޭނުންނުކުރުން

އަންނަނިވި ގޮތްތަކުން ކުރެ ގޮތެއްގެމަތިން މީހަކު މަޢުލޫމާތު ދީގެން ނުވަތަ އެމީހަކު މަޢުލޫމާތުދިނުމުގެ ސަބަބުން ލިބިގަނެވުނު މަޢުލޫމާތަކީ، އެފަދަ މަޢުލޫމާތުދީފައިވާ ނުވަތަ ހުށަހަޅާފައިވާ މީހެއްގެ މައްޗަށް ޖިނާއީ ކުށުގެ ދަޢުވާއެއް އުފުލުމަށް ބޭނުންކުރެވޭނެ ހެއްކާއި ގަރީނާއެއް ނޫނެވެ.

(ހ) މަޢުލޫމާތު ނުވަތަ ހެކިބަސްދިނުން ނުވަތަ ލިޔުމެއް ނުވަތަ އޭގެ ނަކަލެއް ހުށަހެޅުން؛

(ށ) މަޢުލޫމާތު ނުވަތަ ހެކިބަސްދިނުމުން ނުވަތަ ލިޔެކިޔުމެއް ނުވަތަ އޭގެ ނަކަލެއް ހުށަހެޅުމުގެ ނަތީޖާއެއްގެ ގޮތުން މަޢުލޫމާތު ނުވަތަ ލިޔެކިޔުމެއް ނުވަތަ އެފަދަ އެއްޗެއް ލިބިގަނެވުން.

 

ހަތަރުވަނަ ބާބު

މައުލޫމާތު ސާފުކުރުން

 

94 ވަނަ މާއްދާ - މައުލޫމާތު ސާފުކުރުން

(ހ) މި ގާނޫނުގެ މައިގަނޑު މަގްސަދުތަކާ އެއްގޮތްވާ ގޮތުގެމަތިން މި ގާނޫނު ހިންގުމަށް ބޭނުންވާ އެއްވެސް ކަމަކާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރަން ބޭނުންވެއްޖެނަމަ އެފަދަ ކަމެއް ކުރުމަށް އޮތޯރިޓީއަށް އެންގުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ވަކި ކަމެއްގައި ޢަމަލުކުރަންވީގޮތ ް އޮތޯރިޓީއަށް އެންގުމުގެ ގޮތުން، އަންނަނިވި ކަންތައްތައް ކުރުމަށް އެންގުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

  1. މަޢުލޫމާތު ސާފުކުރަންޖެހޭ ގޮތާމެދު ވަކި މީހެއްގެ ނުވަތަ ފަރާތެއްގެ ނުވަތަ މީހުންގެ ނުވަތަ ފަރާތްތަކުގެ މަށްވަރާ ހޯދުން؛
  2. މަޢުލޫމާތު ސާފުކުރުމުގައި ވަކި ކަމަކަށް ނުވަތަ ކަންތައްތަކަކަށް ރިޢާޔަތްކުރުން.

(ނ) މި މާއްދާގެ ދަށުން ޢަމަލުކުރަންޖެހޭނެކަމަށް ކަނޑައަޅާ ގޮތާ އެއްގޮތްވާ ގޮތުގެމަތިން އޮތޯރިޓީން ޢަމަލުކުރަންވާނެއެވެ.

 

95 ވަނަ މާއްދާމައުލޫމާތު ސާފުކުރެވިދާނެ ހާލަތް

މަޢުލޫމާތު ސާފުކުރަންޖެހޭފަދަ މުހިންމު މައްސަލައެއް ކަމަށް އޮތޯރިޓީއަށް ފެންނަ މައްސަލަތަކުގައާއި މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ލައިސަންސް ލިބިފައިވާ ނުވަތަ ލައިސަންސް ހޯދާނެކަމަށް ބެލެވޭ ފަރާތްތަކުގެ ނުވަތަ ޢާންމު މަސްލަހަތަށްޓަކައި މި މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެމަތިން މަޢުލޫމާތު ސާފުކުރެވިދާނެއެވެ.

(ހ) މަޢުލޫމާތު ސާފުކޮށްދިނުމަށް މީހަކު ލިޔުމަކުން އެދިފައިވާތީ ޖަވާބުދާރީވުމަށް؛

(ށ) އޮތޯރިޓީން އަމިއްލައަށް މަޢުލޫމާތު ސާފުކުރުމަށް ބޭނުންވުން.

 

96 ވަނަ މާއްދާމައުލޫމާތު ސާފުކުރުމާ ބެހޭގޮތުން އާންމުންނަށް އެންގުން

(ހ) އޮތޯރިޓީގެ ފަރާތުން މަޢުލޫމާތު ސާފުކުރުމެއް ބާއްވާނަމަ، އަންނަނިވި ކަންތައްތައް ބަޔާންކޮށް އެކަށީގެންވާ ގޮތެއްގެމަތިން ޢާންމުކޮށް އަންގަންވާނެއެވެ.

  1. އޮތޯރިޓީގެ ފަރާތުން މަޢުލޫމާތު ސާފުކުރުން ބާއްވާކަން؛
  2. މަޢުލޫމާތު ސާފުކުރުން ބާއްވާ މުއްދަތު؛
  3. މަޢުލޫމާތު ސާފުކުރެވޭ މައްސަލަ؛
  4. މަޢުލޫމާތު ސާފުކުރެވޭ މައްސަލައާމެދު ޢާންމުންގެ ހިޔާލު ހޯދާނެ ގޮތެއް ބަޔާންކޮށް އެމީހުންގެ ހުށަހެޅުންތައް ލިބިގަތުމަށް މަދުވެގެން 28 (އަށާވީސް) ދުވަހުގެ މުއްދަތެއް ލިބޭނެކަން؛
  5. ޢާންމުންގެ ހުށަހެޅުންތައް ބިނާކުރުމަށް އޮތޯރިޓީން ބޭނުންވާ މައްސަލަ؛
  6. ޢާންމުންގެ ހުށަހެޅުންތައް ފޮނުވަންޖެހޭ އެޑްރެސް ނުވަތަ އެޑްރެސްތައް.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންތައްތައް ބަޔާންކޮށްފައިވާ ގޮތަށް އެއްވަގުތަކު އޮތޯރިޓީގެ ފަރާތުން ށާއިޢުކުރާކަށް ނުޖެހެއެވެ.

(ނ) ޢާންމު ރައްޔިތުން ފޮނުވާ އަންނަނިވި ށަރުތު ހަމަވާ ތަކެއްޗަށް އޮތޯރިޓީން ރިޢާޔަތްކުރަންވާނެއެވެ.

  1. އެންގުމުގައި ބަޔާންކޮށްފައިވާ ބާވަތުގެ އަދި އެންގުމުގައި ބަޔާންކޮށްފައިވާ ގޮތަށް ހުށަހެޅޭ ތަކެތި؛ އަދި
  2. އެންގުމުގައި ކަނޑައަޅާފައިވާ ވަގުތުގެ ތެރޭގައި އޮތޯރިޓީއަށް ލިބޭ ތަކެތި.

 

97 ވަނަ މާއްދާމައުލޫމާތު ސާފުކުރުމުގެ އިދާރީ އޮނިގަނޑު

(ހ) މި މާއްދާގައި "މަޢުލޫމާތު ސާފުކުރުން" ކަމަށް ބުނެފައި އެވަނީ، މި ބާބުގެ ދަށުން، މި ބާބާ އެއްގޮތްވާ ގޮތުގެމަތިން ބާއްވާ މަޢުލޫމާތު ސާފުކުރުމަށެވެ.

(ށ) މަޢުލޫމާތު ސާފުކުރަންވާނީ މި ބާބުގެ މާއްދާތަކާ އެއްގޮތްވާ ގޮތުގެމަތިން އޮތޯރިޓީއަށް ފެންނަ ހިނދެއްގައެވެ.

(ނ) މަޢުލޫމާތު ސާފުކުރާއިރު ކަމާގުޅޭ އެހެން އަޑުއެހުމެއް ނުވަތަ މަޢުލޫމާތު ސާފުކުރުމުގެ އެހެން ބައެއްކަމަށްވިއަސް ބާއްވަންވާނީ ޢާންމުންނަށް ބައިވެރިވެވޭގޮތަށް ހާމަކަމާއެކު މިނިވަން ވެއްޓެއްގައެވެ.

(ރ) މަޢުލޫމާތު ސާފުކުރުމުގެ ގޮތުން އޮތޯރިޓީގެ ފަރާތުން، ތަހްގީގުގެ ބޭނުމަށް ނުވަތަ މަޢުލޫމާތު އެއްކުރުމަށްޓަކައި މި ބައިގެ ތިންވަނަ ބާބުގައިވާ ގޮތުގެމަތިން އެފަރާތަށް ލިބިދޭ އެންމެހައި ބާރެއްގެ ބޭނުންކުރެވިދާނެއެވެ.

(ބ) މަޢުލޫމާތު ސާފުކުރުމުގެ ބޭނުމަށް އޮތޯރިޓީގެ ފަރާތުން އަޑުއެހުންތައް ބޭއްވިދާނެއެވެ.

 

98 ވަނަ މާއްދާ – ސިއްރުގައި މައުލޫމާތު ސާފުކުރުން

(ހ) އޮތޯރިޓީއަށް ފެންނަ ހިނދެއްގައި، އަންނަނިވި ކަންކަން ފުރިހަމަވާނަމަ، މަޢުލޫމާތު ސާފުކުރުމަށް ބައްދަލުވުމެއް ނުވަތަ އެފަދަ ބައްދަލުވުމެއްގެ ބައެއް ނަމަވެސް ސިއްރުން ބޭއްވިދާނެއެވެ.

(1) މަޢުލޫމާތު ސާފުކުރުމަށް ބާއްވާ ބައްދަލުވުމުގައި ނުވަތަ އެފަދަ ބައްދަލުވުމެއްގެ ބައެއްގައި ނަމަވެސް، ބެލެވޭ ލިޔެކިޔުންތައް ނުވަތަ ފޯރުކޮށްދޭ މަޢުލޫމާތަކީ ނުވަތަ މަޢުލޫމާތު ސާފުކުރުމުގައި ފާހަގަކުރެވޭ މައްސަލައަކީ ސިއްރުން ބަލަންޖެހޭ ކަމަކަށްވުން؛

(2) މަޢުލޫމާތު ސާފުކުރުން ނުވަތަ މަޢުލޫމާތު ސާފުކުރެވޭ މައްސަލައެއް ނުވަތަ އެފަދަ މައްސަލައެއްގެ ބައެއް ނަމަވެސް، ހާމަކަމާއެކު ކުރިއަށް ގެންދިއުމަކީ މި ގާނޫނަށް ޢަމަލުކުރުމަށް ހުރަސްއަޅާ ކަމަކަށްވުން.

(ށ) ހާމަކަމާއެކު މަޢުލޫމާތު ސާފުކުރެވޭ ހިނދު، މަޢުލޫމާތު ސާފުކުރުމަށް ހުށަހަޅާ ހެއްކާއި ގަރީނާތައް ނުވަތަ އޮތޯރިޓީއަށް ލިޔުމުން ފޮނުވާފައިވާ ހުށަހެޅުންތަކަކީ ސިއްރުކުރަންޖެހޭ އެއްޗެހިކަމަށް އޮތޯރިޓީއަށް ފެނިއްޖެނަމަ، އަންނަނިވި ގޮތުގެމަތިން އޮތޯރިޓީއަށް ޢަމަލުކުރެވިދާނެއެވެ.

  1. މަޢުލޫމާތު ސާފުކުރުމަށް ހުށަހަޅާފައިވާ ހެއްކާއި ގަރީނާތައް ށާއިޢުނުކުރުމަށް އެންގުން؛ ނުވަތަ
  2. މަޢުލޫމާތު ސާފުކުރުމަށް ހުށަހަޅާފައިވާ ހެއްކާއި ގަރީނާތައް ހާމަކުރުން މަނާކުރުން.

(ނ) މަޢުލޫމާތު ސާފުކުރުމުގެ ބައެއް ނަމަވެސް ސިއްރުގައި ކުރިއަށް ގެންދާނަމަ، އަންނަނިވި ގޮތަށް ޢަމަލުކުރެވިދާނެއެވެ.

  1. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމެއްގެ ނުވަތަ އެފަދަ ބައްދަލުވުމެއްގެ ބައެއްގައި، ބައިވެރިވާނެ ބައެއް އެންގުން؛
  2. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމެއްގެ ނުވަތަ އެފަދަ ބައްދަލުވުމެއްގެ ބަޔަކަށް ހުށަހަޅާ ހެއްކާއި ގަރީނާތައް ހާމަކުރުން މަނާކުރުމަށް އެންގުން.

(ރ) މި މާއްދާގެ (ށ) އާއި (ނ) ގައިވާ ގޮތަށް ޢަމަލުކުރުމުގައި، މަގުބޫލު ސަބަބެއް އޮވެގެން ނޫނީ މީހަކު ޢުޒުރުވެރިވެގެން ނުވާނެއެވެ.

(ބ) މި މާއްދާގެ (ށ) އާއި (ނ) ގައިވާ ގޮތުގެމަތިން ޢަމަލުކުރުމުގައި، މަގުބޫލު ސަބަބެއްނެތި މީހަކު ޢުޒުރުވެރިވެއްޖެނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި އެމީހަކު 1,000,000 (އެއް މިލިއަން) ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ. އަދި އެއިން މާއްދާއަކާ ހިލާފުވެހުރެ ހިނގާ ކޮންމެ ދުވަހަކަށް ނުވަތަ ދުވަހުގެ ބަޔަކަށް  20,000 (ވިހިހާސް) ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

99 ވަނަ މާއްދާމައުލޫމާތު ސާފުކުރުމާބެހޭގޮތުން ރޮޕޯޓް އެކުލަވާލުން

(ހ) މަޢުލޫމާތު ސާފުކުރުމަށްފަހު، ލިބިގަނެވޭ މަޢުލޫމާތާއި ނަތީޖާތައް ހިމަނައިގެން އޮތޯރިޓީގެ ފަރާތުން ރިޕޯޓެއް ށާއިޢުކުރަންވާނެއެވެ. އަދި މިގޮތުން ށާއިޢުކުރާ ރިޕޯޓުގެ ކޮޕީއެއް މިނިސްޓަރަށް ފޮނުވަންވާނެއެވެ.

(ށ) މަޢުލޫމާތު ސާފުކޮށް ނިންމުމަށްފަހު، 30 (ތިރީސް) ދުވަހުގެ ތެރޭގައި އޮތޯރިޓީން ތައްޔާރުކުރާ ރިޕޯޓު ށާއިޢުކުރަންވާނެއެވެ.

(ނ) އޮތޯރިޓީގެ ފަރާތުން ތައްޔާރުކުރާ ރިޕޯޓުގައި ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތާއި ކަންކަން ހިމަނައިގެން ނުވާނެއެވެ.

  1. ސިއްރު މަޢުލޫމާތު؛
  2. މީހެއްގެ މައްޗަށް ހިންގޭ ށަރީޢަތެއްގެ ޢަދުލުވެރިކަމަށް ހުރަސްއަޅާފާނެ ކަމެއް؛
  3. އެއްވެސް މީހެއްގެ (މަރުވެފައިވާ މީހުންވެސް ހިމެނޭ ގޮތުގެމަތިން)، އަމިއްލަ ނުވަތަ ޒާތީ މަޢުލޫމާތު؛
  4. މި ގާނޫނުގެ 98 ވަނަ މާއްދާގެ (ށ) ނުވަތަ (ނ) ގައި ޢަމަލުކުރުމަށް ބުނެފައިވާ ގޮތުގެ މައިގަނޑު އަސާސްކަމަށްވާ ކަމެއް.

 

100 ވަނަ މާއްދާ – މަދަނީ ދައުވާތަކުން ހިމާޔަތްކަން ލިބުން

މަޢުލޫމާތު ސާފުކޮށްދިނުމުގެ ހެޔޮ ނިޔަތުގައި އޮތޯރިޓީއަށް މީހަކުދޭ ބަޔާނެއް ނުވަތަ ލިޔެކިޔުމެއް ނުވަތަ ފޯރުކޮށްދޭ މަޢުލޫމާތުގެ ސަބަބުން އެހެން މީހަކަށް ލިބޭ އެއްވެސް ގެއްލުމެއްގެ ބަދަލުދިނުމަށް، އެމީހަކު ޒިންމާވާކަށް ނުޖެހޭނެއެވެ.

 

ފަސްވަނަ ބާބު

އޮތޯރިޓީގެ ފަރާތުން ކަމެއް ތަހްގީގުކުރުން

 

101 ވަނަ މާއްދާ – މި ބާބުގެ ދަށުން ބެލެވޭނެ މައްސަލަތައް

މި ބާބުގެ ދަށުން ބެލެވޭނީ ތިރީގައި މިވާ މައްސަލަތަކެވެ.

(ހ) މި ގާނޫނާ ހިލާފުވާ މައްސަލަ؛

(ށ) މި ގާނޫނުގެ ދަށުން އޮތޯރިޓީން ކަނޑައަޅާފައިވާ ގޮތަކާ ހިލާފުވާ މައްސަލަ؛

(ނ) އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑަކާ ހިލާފުވާ މައްސަލަ؛

(ރ) ޓެލެކޮމިއުނިކޭށަންގެ ހިދުމަތެއް ފޯރުކޮށްދިނުމާބެހޭ ނުވަތަ ފޯރުކޮށްނުދިނުމުގެ ނުވަތަ ފޯރުކޮށްނުދެވުމުގެ މައްސަލަ؛

(ބ) ހިދުމަތް ލިބިގަންނަ ފަރާތެއްގެ އާލާތްތައް ނުވަތަ ސާމާނަށް ހިދުމަތެއް ގުޅައިދިނުމުގެ ނުވަތަ ގުޅައިނުދެވުމުގެ މައްސަލަ؛

(ޅ) އޮތޯރިޓީގެ މަސައްކަތްތަކާބެހޭ ނުވަތަ އޮތޯރިޓީގެ ބާރުތަކާބެހޭ މައްސަލަ.

 

102 ވަނަ މައްދާ - ށަކުވާ ހުށަހެޅުން

(ހ) މި ގާނޫނުގެ 101 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައްސަލަތަކާ ގުޅޭގޮތުން މީހަކަށް  ނުވަތަ ށަކުވާކުރާ ފަރާތަކުން އޮތޯރިޓީއަށް މައްސަލަ ހުށަހެޅިދާނެއެވެ.

(ށ) ހުށަހެޅޭ  ށަކުވާތަކުގައ ި އަންނަނިވި ކަންތައްތައް ފުރިހަމަވެފައި ހުންނަންވާނެއެވެ.

(1) ށަކުވާ ލިޔުމަކުން ހުށަހެޅުން؛ އަދި

(2) ށަކުވާ ރައްދުވާ ފަރާތް ކަނޑައެޅި ބަޔާންކުރުން.

(ނ) އޮތޯރިޓީއަށް ފެނިއްޖެ ހިނދެއްގައި، އަންނަނިވި ކަންތައްތައް ކޮށްދިނުމަށް އޮތޯރިޓީގެ ފަރާތުން އެކަށީގެންވާ ފިޔަވަޅުތައް އަޅަންވާނެއެވެ.

  1. މީހަކު ށަކުވާއެއް ހުށަހަޅަން ބޭނުންވުން؛
  2. މީހަކު ހުށަހަޅަން ބޭނުންވާ ށަކުވާ ހުށަހެޅުމަށް ނުވަތަ ލިޔުމަކުން އެ ށަކުވާ ހުށަހެޅުމަށްޓަކައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

 

103 ވަނަ މާއްދާ - އޮތޯރިޓީން ތަހްގީގުކުރުން

(ހ) ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މި ގާނޫނުގެ 101 ވަނަ މާއްދާގައި ހަވާލާދީފައިވާ މައްސަލައެއް އޮތޯރިޓީއަށް ތަހްގީގު ކުރެވިދާނެއެވެ.

  1. މި ގާނޫނުގެ 101 ވަނަ މާއްދާގައިވާ މައްސަލައެއްގައި މީހަކު މި ގާނޫނާ ހިލާފުވެފައިވާ ކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވުން؛
  2. މި ގާނޫނުގެ 101 ވަނަ މާއްދާގައިވާ މައްސަލައެއްގައި މީހަކު، މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ޢަމަލުކުރުމަށް އޮތޯރިޓީގެ ފަރާތުން އަންގާފައިވާގޮތާ ހިލާފުވެފައިވާ ކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވުން؛
  3. މި ގާނޫނުގެ 101 ވަނަ މާއްދާގައިވާ ގޮތުގެމަތިން ށަކުވާއެއް ހުށަހަޅާފައިވުން؛
  4. މައްސަލައެއް ތަހްގީގުކުރަންޖެހޭކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވުން.

(ށ) މިނިސްޓަރު އޮތޯރިޓީގައި އެދިއްޖެނަމަ، ތިރީގައި މިވާ މައްސަލަތައް އޮތޯރިޓީން ތަހްގީގުކުރަންވާނެއެވެ.

  1. މި ގާނޫނުގެ 101 ވަނަ މާއްދާގައިވާ މައްސަލައެއް؛
  2. ޓެލެކޮމިއުނިކޭށަންގެ ހިދުމަތްތަކާއި ރޭޑިއޯ ކޮމިއުނިކޭށަންގެ ނުވަތަ ޓެލެކޮމިއުނިކޭށަންގެ ސިނާޢަތާ ގުޅުންހުރި ކޮންމެ މައްސަލައެއް.

 

104 ވަނަ މާއްދާ – ތަހްގީގުކުރުމުގެ ކުރިން ބަލަންޖެހޭ ކަންތައްތައް

(ހ) މި ގާނޫނުގެ 102 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން މީހަކު ށަކުވާއެއް ހުށަހެޅުމުން، އަންނަނިވި ގޮތްތަކުގެމަތިން ޢަމަލުކުރުމާއެކު މައްސަލަ ސާފުކުރުމުގެ ގޮތުން ށަކުވާ ރައްދުވާ ފަރާތުގެ ކިބައިން އޮތޯރިޓީގެ ފަރާތުން މަޢުލޫމާތު ސާފުކުރެވިދާނެއެވެ.

  1. ހުށަހެޅިފައިވާ ށަކުވާގެ މައްސަލަ ތަހްގީގުކުރުމުގެ ބާރު އޮތޯރިޓީއަށް ލިބިފައިވޭތޯ ބެލުން؛
  2. އޮތޯރިޓީއަށް ލިބިދޭ ބާރުގެ ދަށުން މައްސަލަ ތަހްގީގުކުރާނީތ ޯ ބެލުން.

(ށ) ހުށަހެޅިފައިވާ ށަކުވާގެ މައްސަލައަކާ ގުޅޭގޮތުން އޮތޯރިޓީގެ ފަރާތުން، އެކަން ތަހްގީގުކުރުމަށް ބޭނުންނުވާނަމަ ނުވަތަ އިތުރަށް ތަހްގީގުކުރުމަށް ބޭނުންނުވާނަމަ، ށަކުވާ ހުށަހަޅާފައިވާ ފަރާތަށާއި ށަކުވާ ރައްދުވާ ފަރާތަށް، ށަކުވާއާ ބެހޭގޮތުން އޮތޯރިޓީން ނިންމާފައިވާ ގޮތާއި އޭގެ ސަބަބުތައް އޮތޯރިޓީއަށް ފެންނަ ގޮތެއްގެމަތިން ވީއެންމެ އަވަހަކަށް އެފަރާތްތަކަށް، އަންގަންވާނެއެވެ.

 

105 ވަނަ މާއްދާ - ތަހްގީގުކުރާނެ ގޮތް

(ހ) ށަކުވާގެ މައްސަލައެއް އޮތޯރިޓީގެ ފަރާތުން ތަހްގީގުކުރަން ފެށުމުގެ ކުރިން، ށަކުވާ ރައްދުވާ ފަރާތަށް އެކަން އަންގަންވާނެއެވެ.

(ށ) މި ބައިގެ ދަށުން ތަހްގީގު ހިންގުމުގެ ކަންތައްތައް ކުރިއަށް ގެންދާނެގޮތް އޮތޯރިޓީން ހަދާ ގަވާއިދެއްގައި ބަޔާންކުރަންވާނެއެވެ.

(ނ) ތަހްގީގުގެ ބޭނުމަށްޓަކައި އޮތޯރިޓީން ބޭނުންވާ ބައެއްގެ އަތުން މަޢުލޫމާތު ހޯދައި، އޮތޯރިޓީއަށް ފެންނަ އެންމެ އެކަށީގެންވާ ގޮތެއްގެމަތިން މަޢުލޫމާތު ސާފުކުރެވިދާނެއެވެ.

(ރ) އޮތޯރިޓީގެ ފަރާތުން ހިންގާ ތަހްގީގުގެ ނަތީޖާއެއްގެ ގޮތުން ށަކުވާ ހުށަހަޅާފައިވާ ފަރާތުގެ ނުވަތަ ށަކުވާ ރައްދުވާ ފަރާތުގެ މަސްލަހަތަށް އުނިކަމެއް ލިބިދާނެފަދަ ކަމެއް ސާބިތުވާކަމަށް ނިންމަންވާނީ އެފަދަ ށަކުވާއަކާ ބެހޭގޮތުން ދެފަރާތުން ދެކޭގޮތް ހުށަހެޅުމަށް މަދުވެގެން 30 (ތިރީސް) ދުވަހުގެ މުއްދަތެއް ދިނުމަށްފަހުގައެވެ.

(ބ) އޮތޯރިޓީގެ ފަރާތުން ހިންގާ ތަހްގީގަކާމެދު ވަކިގޮތެއް ކަނޑައަޅައި ނިންމަންވާނީ، ށަކުވާ ހުށަހަޅާ ފަރާތުގެ ނުވަތަ ށަކުވާ ރައްދުވާ ފަރާތުގެ ހުށަހެޅުންތަކަށް ރިޢާޔަތްކުރުމަށްފަހުގައެވެ.

(ޅ) މި މާއްދާގެ (ރ) އާ އެއްގޮތްވާ ގޮތުގެމަތިން، އޮތޯރިޓީގެ ފަރާތުން ހިންގާ ތަހްގީގުތަކަށް ހާޒިރުވުމުގެ ފުރުސަތު ށަކުވާ ހުށަހަޅާ ފަރާތަށް ނުވަތަ ށަކުވާ ރައްދުވާ ފަރާތަށް ދިނުމަށް އެ މާއްދާ ލާޒިމެއްނުކުރެއެވެ.

 

106 ވަނަ މާއްދާ - ތަހްގީގުގެ ރިޕޯޓު

(ހ) މި ގާނޫނުގެ 103 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ތަހްގީގު ހިންގުމަށްފަހު، އޮތޯރިޓީން ބޭނުންވެއްޖެނަމަ ރިޕޯޓެއް ތައްޔާރުކޮށް މިނިސްޓަރަށް އެ ރިޕޯޓު ފޮނުވިދާނެއެވެ.

(ށ) މި ގާނޫނުގެ 103 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ތަހްގީގު ހިންގުމަށްފަހު، އޮތޯރިޓީގެ ފަރާތުން ރިޕޯޓެއް ތައްޔާރުކޮށް މިނިސްޓަރަށް އެ ރިޕޯޓު ފޮނުވަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ތައްޔާރުކުރާ ރިޕޯޓުގައި އަންނަނިވި ކަންތައްތައް ހިމަނަންވާނެއެވެ.

  1. ތަހްގީގު ހިންގި ގޮތް؛
  2. ތަހްގީގުކުރުމުގެ ނަތީޖާއެއްގެގޮތުން އޮތޯރިޓީއަށް ލިބިފައިވާ ހޯދުންތައް؛
  3. މި އަކުރުގެ (2) ވަނަ ނަންބަރުގައިވާ މަޢުލޫމާތާއި ހޯދުންތައް ބިނާކޮށްފައިވާ ހެއްކާއި ގަރީނާތައް؛
  4. ކުރެވުނު ތަހްގީގާ ގުޅިގެން ނުވަތަ އެކަމާ ގުޅޭގޮތުން އޮތޯރިޓީއަށް ފެންނަ ނުވަތަ މިނިސްޓަރ އަންގާފައިވާ ކަންތައްތައް.

 

107 ވަނަ މާއްދާ - ރިޕޯޓު ށާއިއުކުރުން

(ހ) ތަހްގީގު ރިޕޯޓު ށާއިޢުކުރުމަކީ، އެކަމުގައި ގައުމީ މަސްލަހަތު އޮތް ކަމެއް ކަމަށް  މިނިސްޓަރަށް ފެންނަނަމަ، އޮތޯރިޓީން ހިންގާފައިވާ ތަހްގީގުގެ ރިޕޯޓެއް ށާއިޢުކުރުމަށް މިނިސްޓަރަށް އެންގިދާނެއެވެ.

(ށ) އަންނަނިވި ހާލަތުތަކުގައި، އޮތޯރިޓީން ހިންގާފައިވާ ތަހްގީގުގެ ރިޕޯޓެއް ނުވަތަ އޭގެ ބައެއް ށާއިޢުކޮށްގެން ނުވަތަ ހާމަކޮށްގެން ނުވާނެއެވެ.

  1. އެ ރިޕޯޓެއް ށާއިޢުކުރުމުން ނުވަތަ ހާމަކުރުމުން މީހެއްގެ ނުވަތަ ކުންފުންޏެއްގެ ސިއްރެއް ހާމަވާފަދަ ހާލަތެއްގައި؛ ނުވަތަ
  2. ޖިނާއީ މައްސަލައަކާ ގުޅިގެން ހިނގަމުންދާ ތަހްގީގަކަށް ހުރަސްއެޅިދާނެފަދަ ހާލަތެއްގައި؛ ނުވަތަ
  3. މީހެއްގެ މައްޗަށް ހިންގޭ ށަރީޢަތެއްގެ ޢަދުލުވެރިކަމަށް ހުރަސްއެޅޭފަދަ ހާލަތެއްގައި؛ ނުވަތަ
  4. ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ހާލަތެއްގައި.

(ނ) އޮތޯރިޓީގެ ފަރާތުން ރިޕޯޓެއް ނުވަތަ ރިޕޯޓެއްގެ ބައެއް ށާއިޢުކުރުމުގައި، އެއްވެސް މީހެއްގެ (މަރުވެފައިވާ މީހެއް ކަމުގައިވިއަސް) އަމިއްލަ ނުވަތަ ޒާތީ މަޢުލޫމާތެއް އެކަށީގެންނުވާ މިންވަރަކަށް ހާމަވާނަމަ އެފަދަ ރިޕޯޓެއްގައި ހިމަނައި ށާއިޢުކޮށްގެން ނުވާނެއެވެ.

 

އެގާރަވަނަ ބައި

އެހެނިހެން ކަންތައްތައް

 

އެއްވަނަ ބާބު

ގައުމީ މަސްލަހަތުހުރި ކަންކަން

 

108 ވަނަ މާއްދާލައިސަންސް ލިބިފައިވާ ފަރާތްތަކުގެ މަސްއޫލިއްޔަތުތައް

(ހ) ލައިސަންސް ލިބިފައިވާ ފަރާތުގެ އަމިއްލަ ނުވަތަ އޮޕަރޭޓްކުރާ ޓެލެކޮމިއުނިކޭށަން ނެޓްވަރކްތަކާއި އިކުއިޕްމަންޓްތައް ނުވަތަ އެފަރާތުން ފޯރުކޮށްދޭ ޓެލެކޮމިއުނިކޭށަންގެ ހިދުމަތްތައް، ބޭނުންކޮށްގެން ގާނޫނާ ހިލާފު އެއްވެސް ޢަމަލެއްކުރާކަން ނުވަތަ ކުރަން އުޅޭކަން އެގިއްޖެނަމަ އެކަން ހުއްޓުވުމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅަންވާނެއެވެ.

(ށ) ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ކޮށްދިނުމަށް، ލައިސަންސް ލިބިފައިވާ ފަރާތުގައި އޮތޯރިޓީން ލިޔުމަކުން އެދިއްޖެނަމަ އެފަދަ ކަންކަން ކޮށްދިނުމަށް، ލައިސަންސް ލިބިފައިވާ ފަރާތުން އެހީތެރިކަން ފޯރުކޮށްދޭންވާނެއެވެ.

  1. ގާނޫނެއްގައި ބަޔާންކޮށްފައިވާ ކުށެއް ކުރުން ނުވަތަ ކުށެއް ކުރަން އުޅުން ހުއްޓުވުމާއި ގާނޫނު ތަންފީޒުކުރުން؛
  2. ގައުމީ ސަލާމަތާއި ރައްކާތެރިކަން ހިމާޔަތްކުރުން.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ހެޔޮ ނިޔަތުގައި ކުރާކަމެއްގެ ސަބަބުން ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކާ ގުޅިގެން އެއްވެސް ބާވަތެއްގެ ޖިނާއީ ކުށެއްގެ މައްސަލައިގައި، ނުވަތަ އެފަދަ ކަމެއްގެ ސަބަބުން ލިބޭ ގެއްލުމެއްގެ ބަދަލުދިނުމަށް، ލައިސަންސް ލިބިފައިވާ ފަރާތުގެ އޮފިސަރުން ނުވަތަ މުވައްޒަފުން ނުވަތަ ކޮންޓްރެކްޓަރުން ނުވަތަ އޭޖެންޓުން ޒިންމާވާކަށް ނުޖެހޭނެއެވެ.

 

109 ވަނަ މާއްދާ - އޮތޯރިޓީގެ މަސްއޫލިއްޔަތުތައް

(ހ) އޮތޯރިޓީގެ ވާޖިބުތައް އަދާކުރުމުގައި ނުވަތަ އެފަރާތަށް ލިބިފައިވާ ބާރުތައް ހިންގުމުގައި، ޓެލެކޮމިއުނިކޭށަންގެ ނެޓްވަރކްތަކާއި އިކުއިޕްމަންޓްތައް ބޭނުންކޮށްގެން ގާނޫނާ ހިލާފު އެއްވެސް ޢަމަލެއްކުރުން ހުއްޓުވުމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅަންވާނެއެވެ.

(ށ) އޮތޯރިޓީގެ ވާޖިބުތައް އަދާކުރުމުގައި ނުވަތަ އެފަރާތަށް ލިބިފައިވާ ބާރުތައް ހިންގުމުގައި އަންނަނިވި ކަންތައްތަކަށް ބަލަންވާނެއެވެ.

  1. ދިވެހިރާއްޖޭގެ ގާނޫނެއްގައި ބަޔާންކޮށްފައިވާ ކުށެއް ކުރުން ނުވަތަ ކުށެއް ކުރަން އުޅުން ހުއްޓުވުމާއި ގާނޫނު ތަންފީޒުކުރުން؛
  2. ގައުމީ ސަލާމަތާއި ރައްކާތެރިކަން ހިމާޔަތްކުރުން.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައިވާ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ހެޔޮ ނިޔަތުގައި ކުރާކަމެއްގެ ސަބަބުން ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކާ ގުޅިގެން އެއްވެސް ބާވަތެއްގެ ޖިނާއީ ކުށެއްގެ މައްސަލައިގައި، ނުވަތަ އެފަދަ ކަމެއްގެ ސަބަބުން ލިބޭ ގެއްލުމެއްގެ ބަދަލުދިނުމަށް، އޮތޯރިޓީގެ އޮފިސަރުން ނުވަތަ މުވައްޒަފުން ނުވަތަ ކޮންޓްރެކްޓަރުން ނުވަތަ އޭޖެންޓުން ޒިންމާވާކަށް ނުޖެހޭނެއެވެ.

 

110 ވަނަ މާއްދާ – އިންޓަރސެޕްޓްކުރުމުގެ ގާބިލްކަން

(ހ) ލައިސަންސް ލިބިފައިވާ ފަރާތަކުން ނުވަތަ ލައިސަންސް ލިބިފައިވާ ފަރާތްތަކަކުން، ގާނޫނު ހުއްދަކުރާ ގޮތެއްގެމަތިން މުއާސަލާތީ ގުޅުމެއް އިންޓަރސެޕްޓްކުރުމަށް ބޭނުންވާ ގާބިލުކަން ގާއިމުކުރުމަށް މިނިސްޓަރަށް ނިންމިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ނިންމުމެއްގައި އެކަންކުރާނެ ގޮތުގެ ފަންނީ ށަރުތުތައް ބަޔާންކުރެވިދާނެއެވެ.

 

111 ވަނަ މާއްދާ – ކުއްލި ނުރައްކަލުގެ ހާލަތުގައި ލިބިދޭ ހާއްސަ ބާރުތައް

(ހ) ކުއްލި ނުރައްކަލުގެ ހާލަތުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް އަންނަނިވި  ކަންކަން ކުރެވިދާނެއެވެ.

  1. ލައިސަންސް ލިބިފައިވާ ފަރާތެއްގެ ލައިސަންސް ހިފެހެއްޓުން؛
  2. ރައީސުލްޖުމްހޫރިއްޔާއަށް ޢަމަލުކުރުމަށް ފެންނަ  އެންމެ އެކަށީގެންވާ ގޮތެއްގެމަތިން ނެޓްވަރކްތަކުގެ ވަސީލަތްތަކާއި ލައިސަންސް ލިބިފައިވާ ފަރާތުގެ މިލްކުގައިވާ، ނުވަތަ އެފަރާތަކުން ހިންގާ ޓެލެކޮމިއުނިކޭށަންގެ އިކުއިޕްމަންޓްތައް  ވަގުތީ  ކޮންޓްރޯލްގެ ދަށަށް ގެނައުން؛
  3. ރައީސުލްޖުމްހޫރިއްޔާއަށް ޢަމަލުކުރުމަށް ފެންނަ  އެންމެ އެކަށީގެންވާ ގޮތެއްގެމަތިން ލައިސަންސް ލިބިފައިވާ ފަރާތަކުން ފޯރުކޮށްދޭ ޓެލެކޮމިއުނިކޭށަންގެ ކޮންމެ ހިދުމަތެއް ވަގުތީގޮތުން ކޮންޓްރޯލްގެ ދަށަށް ގެނައުން؛
  4. ނެޓްވަރކް ފެސިލިޓީއެއް ނުވަތަ ޓެލެކޮމިއުނިކޭށަންގެ އިކުއިޕްމަންޓެއް ނުވަތަ ޓެލެކޮމިއުނިކޭށަންގެ ހިދުމަތެއް، ލައިސަންސް ލިބިފައިވާ ފަރާތަކުން ނުވަތަ ވަކިފަރާތަކުން ނުވަތަ ޢާންމު ރައްޔިތުން ބޭނުންކުރުން މުޅިން ހުއްޓުވުން ނުވަތަ އޭގެ ބައެއް ހުއްޓުވުން؛
  5. ލައިސަންސް ލިބިފައިވާ ފަރާތެއް ނުވަތަ މީހެއް ނުވަތަ ޢާންމު ރައްޔިތުންގެ ފަރާތުން ކުރެވޭ އެއްވެސް ކަމަކާބެހޭ މުއާސަލާތެއް ނުކުރުމަށް ނުވަތަ އިންޓަރސެޕްޓްކުރުމަށް ނުވަތަ ހިފެހެއްޓުމަށް އަމުރުކުރުން ނުވަތަ އޭގެ ރެކޯޑުތައް ހުއްދަދީފައިވާ ވެރިޔަކަށް ހަވާލުކުރުމަށް އަމުރުކުރުން؛
  6. ހިދުމަތް ލިބިގަންނަ ފަރާތެއްގެ ޓެލެކޮމިއުނިކޭށަންގެ އިކުއިޕްމަންޓެއް އަތުލުމަށް އަމުރުކުރުން.

(ށ) ހާލުގައި ޖެހިގެން ކުރާ ފޯންކޯލް (ޑިސްޓްރަސް ކޯލް) ކުރުމަށް ޓެލެކޮމިއުނިކޭށަނާއި އެންމެހައި ޓެލެކޮމިއުނިކޭށަންގެ ވަސީލަތްތަކާ ނެޓްވަރކްތައް ބޭނުންކުރުން، މި ގާނޫނު ހުރަހެއް ނާޅައެވެ.

 

112 ވަނަ މާއްދާ – ކާރިސާއެއްގައި އަމަލުކުރާނެ ގޮތް

ދާހިލީ ހަމަނުޖެހުމެއްގައި ނުވަތަ ކުއްލި ނުރައްކަލުގެ ހާލަތުގައި ނުވަތަ ކާރިސާއެއް ދިމާވާ ހިނދުގައި، އެފަދަ ހާލަތެއްގައި ޢަމަލުކުރާނެ ގޮތަކާއި، ޓެލެކޮމިއުނިކޭށަންގެ ހިދުމަތް މެދުނުކެނޑި ފޯރުކޮށްދީ، ދިގު މުއްދަތަކަށް އެ ހިދުމަތް ފޯރުކޮށްދިނުމާއި، ކުރީގެ ހާލަތަށް އެނބުރި ރުޖޫޢަވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި ލައިސަންސް ލިބިފައިވާ ފަރާތަކަށް ނުވަތަ ލައިސަންސް ލިބިފައިވާ ފަރާތްތަކަކަށް އޮތޯރިޓީން ކަނޑައަޅާ އިދާރާތަކުގެ މަށްވަރާއާއެކު އޮތޯރިޓީން އަންގާ ގޮތެއްގެމަތިން، ޓެލެކޮމިއުނިކޭށަންގެ ގުޅުން ހިންގުމާއި، ދެމެހެއްޓުމާއި ހިދުމަތް ފޯރުކޮށްދިނުމާއި ޓެލެކޮމިއުނިކޭށަންގެ އިކުއިޕްމަންޓްތަކާއި ނެޓްވަރކްތަކާއި ހިދުމަތްތައް ކުރީގެ ހާލަތަށް އެނބުރި ރުޖޫޢަވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރާނެ ގޮތުގެ ޢަމަލީ މަށްރޫޢެއް އެކުލަވާލެވިދާނެއެވެ.

 

113 ވަނަ މާއްދާ – ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރަށް ލިބިގެންވާ އިހްތިޔާރު

މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، ދިވެހިރާއްޖޭގެ ގައުމީ ދިފާޢީ ބާރުން ހިންގާ ހާއްސަ އިލެކްޓްރޯނިކްސް ވޯފެއަރ އޮޕަރޭށަންތަކުގައާއި، މި ގާނޫނުގެ 112 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ގައުމީ ސަލާމަތާއި ރައްކާތެރިކަން ހިމާޔަތްކުރުމަށްޓަކައި ފްރީކުއެންސީ ޖޭމިންގ އާގުޅޭ ކަންކަން ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން، އޮތޯރިޓީގެ މަށްވަރާގެ މަތިން، ކުރުމުގެ އިހްތިޔާރު ދިވެހިރާއްޖޭގެ ގައުމީ ދިފާޢީ ބާރަށް ލިބިގެންވެއެވެ.

 

ދެވަނަ ބާބު

ބައިނަލްއަގްވާމީ ގޮތުން ބަލަންޖެހޭ ކަންކަން

 

114 ވަނަ މާއްދާ – "އިންޓެލްސެޓް" އަދި "އިންމާސެޓް" ގައި ސޮއިކޮށްފައިވާ ފަރާތްތަކުން އަމަލުކުރަންޖެހޭ މިންގަނޑުތައް

(ހ) އެގްރީމަންޓް ރިލޭޓިންގ ޓު ދަ އިންޓަރނޭށަނަލް ޓެލެކޮމިއުނިކޭށަންސް ސެޓަލައިޓް އޯގަނައިޒޭށަންއާއި ކޮންވެންށަން އޮން ދަ އިންޓަރނޭށަނަލް މެރިޓައިމް ސެޓަލައިޓް އޯގަނައިޒޭށަން ނުވަތަ މިނޫންވެސް މިފަދ ބައިނަލްއަގްވާމީ މުޢާހަދާއަކަށް ނުވަތަ ޖަމާޢަތަކަށް ސަރުކާރުން ޢައްޔަންކުރާ ނުވަތަ ސަރުކާރު ތަމްސީލުކުރާ ޓެލެކޮމިއުނިކޭށަންގެ ހިދުމަތްދޭ ފަރާތަކުން ޢަމަލުކުރަންޖެހޭ މިންގަނޑުތައް މިނިސްޓަރު ކަނޑައަޅައި އެފަރާތަކަށް އެންގިދާނެއެވެ.

(ށ) ޓެލެކޮމިއުނިކޭށަންގެ ހިދުމަތްދޭ ފަރާތްތަކުން މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އަންގާ އެންގުމަށް ޢަމަލުކުރަންވާނެއެވެ.

 

115 ވަނަ މާއްދާ – ބައިނަލްއަގްވާމީ މުއާހަދާތަކާ އެއްގޮތަށް އަމަލުކުރުން

(ހ) މި މާއްދާގެ ބޭނުމަށް، ވަކި މުޢާހަދާއެއް ނުވަތަ މުޢާހަދާއެއްގެ ވަކި ބަޔަކީ، ލައިސަންސްދޫކުރެވޭ ފަރާތްތަކުގެ ތެރެއިން ވަކި ބަޔަކު އޭގައިވާ ގޮތުގެމަތިން ޢަމަލުކުރަންޖެހޭނެ އެއްޗެއްކަމަށް މިނިސްޓަރަށް ކަނޑައެޅިދާނެއެވެ. އަދ އެގޮތުން ކަނޑައަޅާ ކަނޑައެޅުން، ޢާންމުކޮށް ށާއިޢުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ލައިސަންސް ދޫކުރެވޭ ފަރާތްތަކުގެ ތެރެއިން ފަރާތެއް އަންނަނިވި ގޮތެއްގެމަތިން ޢަމަލުކުރުމުގައި މުޢާހަދާއެއް ނުވަތަ މުޢާހަދާގެ ބައެއްގެ ދަށުން ދިވެހިރާއްޖެއިން އުފުލަންޖެހޭ މަސްއޫލިއްޔަތާ އެއްގޮތްވާ ގޮތުގެމަތިން ޢަމަލުކުރަންވާނެއެވެ.

  1. ޓެލެކޮމިއުނިކޭށަންގެ ނެޓްވަރކްތައް ނުވަތަ ޓެލެކޮމިއުނިކޭށަންގެ އިކުއިޕްމަންޓް އޮޕަރޭޓްކުރުން؛
  2. ޓެލެކޮމިއުނިކޭށަންގެ ހިދުމަތްތައް ފޯރުކޮށްދިނުން.

(ނ) މި މާއްދާގެ ބޭނުމަށް "މުޢާހަދާ" ކަމަށް ބުނެފައި އެވަނީ، ދިވެހި ސަރުކާރާއި ބޭރު ގައުމެއްގެ ސަރުކާރާ ނުވަތަ އޮތޯރިޓީއަކާ ނުވަތަ އޮފިށަލަކާ ދެމެދު ވެފައިވާ އެއްވެސް ބާވަތެއްގެ އެއްބަސްވުމެއް ހިމެނޭ ގޮތުގެމަތިން، އަންނަނިވި ކަންކަމަށެވެ.

  1. ދިވެހިރާއްޖެ ބައިވެރިވާ މުޢާހަދާއެއް؛ ނުވަތަ
  2. ދިވެހިރާއްޖެއާއި ބޭރު ގައުމަކާ ދެމެދު ވެފައިވާ އެއްބަސްވުމެއް.

 

ތިންވަނަ ބާބު

ބައިނަލްއަގްވާމީ ޓެލެކޮމިއުނިކޭށަން އޮޕަރޭޓަރުންނާ މުޢާމަލާތްކުރުން

 

116 ވަނަ މައްދާ - ސުލޫކީ މިންގަނޑު

(ހ) ބައިނަލްއަގްވާމީ ޓެލެކޮމިއުނިކޭށަން އޮޕަރޭޓަރުން ހިންގަފާނެ ނޭދެވޭ ޢަމަލުތައް ހުއްޓުވުން ނުވަތަ މަދުކުރުމުގެ ގޮތުން، މިފަދަ އޮޕަރޭޓަރުންނާއެކު ކެރިއަރެއް ނުވަތަ ޓެލެކޮމިއުނިކޭށަންގެ ހިދުމަތްދޭ ފަރާތެއް ހިންގާ މުޢާމަލާތްތައް ރެގިއުލޭޓްކުރުމަށް ނުވަތަ ހުއްޓުވުމަށް ބޭނުންވާ ސުލޫކީ މިންގަނޑު އޮތޯރިޓީއަށް ކަނޑައެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކަނޑައަޅާ ސުލޫކީ މިންގަނޑާ އެއްގޮތަށް ކެރިއަރުން ނުވަތަ ޓެލެކޮމިއުނިކޭށަންގެ ހިދުމަތްދޭ ފަރާތްތަކުން ޢަމަލުކުރަންވާނެއެވެ.

(ނ) ކެރިއަރަކުން ނުވަތަ ޓެލެކޮމިއުނިކޭށަންގެ ހިދުމަތްދޭ ފަރާތަކުން އެކުލަވާލާ އެއްބަސްވުމުގެ މާއްދާއެއް، މި މާއްދާގެ (ހ) ގައިވާ ސުލޫކީ މިންޑަނޑާ ތަޢާރުޒުވާނަމަ، އެ އެއްބަސްވުމުގެ އެފަދަ މާއްދާއަކަށް ޢަމަލުނުކުރެވޭނެއެވެ.

 

117 ވަނަ މާއްދާ – ބައިނަލްއަގްވާމީ ޓެލެކޮމިއުނިކޭށަން އޮޕަރޭޓްކުރުން

މި ގާނޫނުގެ މި ބާބުގެ ބޭނުމަށްޓަކައި، "ބައިނަލްއަގްވާމީ ޓެލެކޮމިއުނިކޭށަން އޮޕަރޭޓަރުން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރާއި ގުޅުވައިދޭ ޓެލެކޮމިއުނިކޭށަން ހިދުމަތްދޭ ފަރާތްތަކަށެވެ.

 

118 ވަނަ މާއްދާ – ގަބޫލުނުކުރެވޭ ސުލޫކީ މިންގަނޑު

މި ބާބުގެ ބޭނުމަށްޓަކައި ބައިނަލްއަގްވާމީ ޓެލެކޮމިއުނިކޭށަން އޮޕަރޭޓަރަކު، ނޭދެވޭ ޢަމަލެއް ކުރާކަމުގައި ބެލެވޭނީ މި މާއްދާގެ (ހ) އާއި، (ށ) އަދި (ނ) ގައިވާ ފަދަ ކަމެއް ކުރުމުންނެވެ.

(ހ) ޓެލެކޮމިއުނިކޭށަންގެ ވިޔަފާރީގައި އޮޕަރޭޓަރަށް ލިބިފައިވާ ބާރެއް ބޭނުންކޮށްގެން، ގައުމީ މަސްލަހަތާއި ތަޢާރުޒުވާ ގޮތަކަށް ނުވަތަ ތަޢާރުޒުވެދާނެ ގޮތަކަށް ކަމެއް ކުރުން؛

(ށ) ބޭރު ގައުމެއްގެ ގާނޫނެއްގެ ދަށުން އޮޕަރޭޓަރަށް ލިބިގެންވާ ގާނޫނީ އެއްވެސް ހައްގެއް ނުވަތަ ގާނޫނީ ހައިސިއްޔަތެއް ބޭނުންކޮށްގެން ގައުމީ މަސްލަހަތާ ތަޢާރުޒުވާފަދަ ގޮތަކަށް ކަމެއް ކުރުން؛

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައިވާ ކަންތައްތަކުގެ އިތުރުން ގައުމީ މަސްލަހަތާ ތަޢާރުޒުވާފަދަ ކަމެއް ކުރުން.

 

 

ހަތަރުވަނަ ބާބު

އާންމު މާއްދާތައް

 

119 ވަނަ މައްދާ – ގާނޫނަށް އަމަލުކުރަން ފަށާއިރު ހިންގަމުން ގެންދާ ނެޓްވަރކް ފެސިލިޓީއާއި ދޫކޮށްފައިވާ ލައިސަންސް

(ހ) މި ގާނޫނަށް ޢަމަލުކުރަން ފަށާއިރު، ގަވާއިދުން ހުއްދަ ލިބިގެން ގާއިމުކޮށް ހިންގަމުން ގެންދާ ނެޓްވަރކް ފެސިލިޓީތައް ބެލެވޭނީ މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ގާއިމުކޮށް ހިންގާކަމަށެވެ.

(ށ) މި ގާނޫނަށް ޢަމަލުކުރަން ފަށާއިރު، ސަރުކާރުގެ ކަމާގުޅޭ މިނިސްޓްރީއަކުން ނުވަތަ އިދާރާއަކުން ޓެލެކޮމިއުނިކޭށަންގެ ހިދުމަތްތައް ނުވަތަ ނެޓްވަރކް ފެސިލިޓީތަކާ ގުޅޭގޮތުން ދޫކޮށްފައިވާ ލައިސަންސް ބެލެވޭނީ މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ދޫކޮށްފައިވާ އަދި މި ގާނޫނާ ތަޢާރުޒުނުވާހާ ހިނދަކު، މި ގާނޫނުގެ ދަށުން އެއަށް ޢަމަލުކުރެވޭނެ އެއްޗެއްކަމަށެވެ.

 

120 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން

(ހ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި ހިންގާނީ އޮތޯރިޓީންނެވެ.

(ށ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް ޢަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހަދައި، ޢާންމުކޮށް ށާއިޢުކުރަންވާނެއެވެ.

(ނ) މި ގާނޫނު ތަންފީޒުކުރުމަށްޓަކައި، ނުވަތަ މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަމެއް ނުވަތަ ކަންތައްތަކެއް ކުރާނެ އުސޫލުތަކާއި ގޮތްތައް ބަޔާންކުރުމުގެ ގޮތުން، އޮތޯރިޓީއަށް ފެނިއްޖެ ހާލަތެއްގައި، މި ގާނޫނާ ތަޢާރުޒުނުވާނެ ގޮތުގެމަތިން، އެކަމަކާ ގުޅޭ ގަވާއިދެއް ހަދައި ހިންގުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ. މިގޮތުން ހަދާ ގަވާއިދުތަކުގައި ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ހިމެނިދާނެއެވެ.

  1. ޓެލެކޮމިއުނިކޭށަންގެ ހިދުމަތްތަކާއި ނެޓްވަރކްގެ މަސައްކަތްތައް ހިންގާނެ ގޮތާއި ކޮންޓްރޯލްކުރުން؛
  2. ޓެލެކޮމިއުނިކޭށަންގެ ނުވަތަ ރޭޑިއޯ ކޮމިއުނިކޭށަންގެ އިކުއިޕްމަންޓްތައް އޮޕަރޭޓްކުރުން؛
  3. އިލެކްޓްރިކް ނުވަތަ ރޭޑިއޯ ސިގްނަލްގެ ޒަރީޢާއިން ޓެލެކޮމިއުނިކޭށަންގެ އިކުއިޕްމަންޓްތަކުގެ އިންޓަރފިއަރަންސް ހުއްޓުވުމާއި ކޮންޓްރޯލްކުރުން؛
  4. ޓެލެކޮމިއުނިކޭށަންގެ ޒަރީޢާއިން މުއާސަލާތީ ގުޅުންތައް ފޮނުވޭނެ އަދި/ނުވަތަ ލިބިގަނެވޭނެ ށަރުތުތަކާއި ހަމަތައް؛
  5. ކަނޑައެޅުމަށް ހަމަޖެހިފައިވާ ރޭޓުތަކާއި އެންމެހައި ކުއްޔަކާއި ފީއެއް؛
  6. ޓެލެކޮމިއުނިކޭށަންގެ ހިދުމަތްތަކާގުޅޭ މުއާސަލާތާއި ލިޔެކިޔުންތައް ބަހައްޓަންޖެހޭ މުއްދަތާއި ބަލަހައްޓަންޖެހޭ ގޮތުގެ ށަރުތުތައް؛
  7. މި ގާނޫނުގެ ދަށުން ދޫކުރެވިދާނެ ނުވަތަ ހުއްދަދެވިދާނެ ލައިސަންސްތަކާއި ލިބިދެވޭނެ އިސްތިސްނާތަކާއި އެސައިންމަންޓްތަކުގެ ބާވަތްތަކާއި އެފަދަ އެއްޗެއް އޮންނަންޖެހޭނެ ގޮތާއި އެއަށް ކަނޑައެޅިދާނެ ށަރުތުތަކާއި ލައިސަންސ ް ނުވަތަ އެސައިންމަންޓެއް ދޫކުރުމަށް ނުވަތަ އޭގެ މުއްދަތު ހަމަވުމުން އެފަދަ އެއްޗެއް އާކުރުމަށް ނަގާނެ އަގުތަކާއި ފީ؛
  8. ލައިސަންސް ލިބިފައިވާ ފަރާތެއް ނުވަތަ ވަކި ބާވަތެއްގެ ލައިސަންސް ލިބިފައިވާ ފަރާތެއްގެ ހިއްސާއަކަށް ލިބިދޭ ވޯޓުދިނުމުގެ އިހްތިޔާރު ނުވަތަ ހިއްސާގެ މިލްކުވެރިކަން ނުވަތަ ކޮންޓްރޯލް އެހެން ފަރާތަކަށް ދިނުމާ ބެހޭގޮތުން ޢަމަލުކުރެވިދާނެ ގޮތްތައް؛
  9. ޓެލެކޮމިއުނިކޭށަންގެ ވިޔަފާރީގައި ހަރަކާތްތެރިވާ ނުފޫޒުގަދަ ފަރާތްތަކުން ފޯރުކޮށްދެމުން ގެންދާ ހިދުމަތްތަކުގެ އަގުތައް ކޮންޓްރޯލްކުރުމުގެ އުސޫލުތައް؛ އަދި
  10. ޓެލެކޮމިއުނިކޭށަންގެ އަސާސީ ހިދުމަތްތަކާ ގުޅިގެން އުފުލަންޖެހޭ ޒިންމާތަކާއި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ފަންޑެއް ގާއިމުކުރުމާއި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ހިދުމަތްދޭ  ފަރާތްތަކުން ދައްކަންޖެހޭ ޗަންދާގެ މިންވަރު ކަނޑައެޅުމާއި  އެކަންކަން ހިންގައި އިދާރީގޮތުން ބެލެހެއްޓުމަށް ބޭނުންވާ އުސޫލީ މިންގަނޑުތައް.

 

121 ވަނަ މާއްދާ – ޖިނާއީ ކުށަށް އަދަބު ކަނޑައެޅުން

މި ގާނޫނުގެ ދަށުން މަނާކޮށްފައިވާ ކަމެއް ކުރާ ފަރާތަކާމެދު ނުވަތަ މި ގާނޫނާ ހިލާފުވާ ފަރާތަކާމެދު މި ގާނޫނުގެ ދަށުން އަޅާ އިދާރީ ފިޔަވަޅުގެ އިތުރުން، ޖިނާއީ ކުށްތައް ކަނޑައެޅިފައިވާ ގާނޫނެއްގެ ދަށުން އެފަރާތެއްގެ މައްޗަށް ޖިނާއީ ދަޢުވާކޮށް ޖިނާއީ އަދަބު ކަނޑައެޅުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.

 

122 ވަނަ މާއްދާ - ތައާރުޒުވާ ގާނޫނު

ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) ގެ މާއްދާއަކާ މި ގާނޫނުގެ މާއްދާއެއް ތަޢާރުޒުވާނަމަ، މި ގާނޫނުގެ މާއްދާ އެ މާއްދާއެއްގެ މައްޗަށް ހިނގާނެއެވެ.

 

123 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން

މި ގާނޫނަށް ޢަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިޢުކުރާ ތާރީހުން ފެށިގެން 4 (ހަތަރެއް) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

 

124 ވަނަ މާއްދާ - އުވާލެވޭ ގާނޫނު

މި ގާނޫނަށް ޢަމަލުކުރަން ފެށުމުން އަންނަނިވި ގާނޫނުތައް އުވުނީއެވެ.

(ހ) ގާނޫނު ނަންބަރު 1978-35 (އެމެޗަރ ޓްރާންސްމިޓިންގ ސްޓޭށަންގެ ލައިސަންސާބެހޭ ގާނޫނު)؛

(ށ) ގާނޫނު ނަންބަރު 1978-36 (ށިޕްސްޓޭށަންގެ ލައިސަންސާ ބެހޭ ގާނޫނު)؛

(ނ) ގާނޫނު ނަންބަރު 1978-37 (ފިކްސްޑް ޓްރާންސްމިޓިންގ ސްޓޭށަންގެ ލައިސަންސާބެހޭ ގާނޫނު)؛

(ރ) ގާނޫނު ނަންބަރު 1978-38 (ކޮމިއުނިކޭށަނާ ބެހޭ ފްރިކްއެންސީ ރަޖިސްޓަރ ކުރުމުގެ ގާނޫނު).

 

125 ވަނަ މާއްދާ - މާނަކުރުން

މި ގާނޫނުގައި ޢިބާރާތެއް ނުވަތަ ލަފްޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާ ހިނދަކު، އަންނަނިވި ޢިބާރާތްތަކާއި ލަފްޒުތަކަށް ދީފައި އެވަނީ، އެ ޢިބާރާތްތަކާއި ލަފްޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނެއްގެ ދަށުން އުފައްދާ 'ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސް' އަށެވެ.

(ށ) "ކްލާސް އެސައިންމަންޓް" ކަމަށް ބުނެފައި އެވަނީ، ވަކި ބޭނުމަކަށް ނުވަތަ ބޭނުންތަކަކަށް ފްރީކުއެންސީއެއް ނުވަތަ ފްރީކުއެންސީތަކެއް، ޢާންމުކޮށް ބޭނުންކުރުމަށް އޮތޯރިޓީން ދޭ ހުއްދައަށެވެ. 

(ނ) "ކްލާސް ލައިސަންސް" ކަމަށް ބުނެފައި އެވަނީ، އޮތޯރިޓީން ކަނޑައަޅާފައިވާ ވަކި ކަންތައްތަކެއް ކުރުމަށްޓަކައި ދޫކުރެވޭ ޢާންމު ލައިސަންސަށެވެ.  

(ރ) "ކެރިއަރ" ކަމަށް ބުނެފައި އެވަނީ، ކެރިއަރ ލައިސަންސެއް ލިބިފައިވާ ފަރާތަކަށެވެ.

(ބ) "ކެރިއަރ ލައިސަންސް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ޓެލެކޮމިއުނިކޭށަންގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ނެޓްވަރކްގެ ވަސީލަތްތައް މިލްކުކުރުމަށް ނުވަތަ ނެޓްވަރކްގެ ވަސީލަތްތަކެއްގެ މަސައްކަތްތަކެއް ކުރުމަށް ދޫކޮށްފައިވާ ލައިސަންސަކަށެވެ.

(ޅ) "ކޮމިއުނިކޭށަން" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ކަންކަން ހިމެނޭގޮތަށެވެ.

  1. ދެމީހެއްގެ ދެމެދުގައި މުއާސަލާތުކުރުމަށް ނުވަތަ މީހަކާއި އެއްޗެކާ ދެމެދުގައި މުއާސަލާތުކުރުމަށް ނުވަތަ ދެ އެއްޗެއްގެ ދެމެދުގައި ކުރެވޭ މުއާސަލާތުކުރުމަށް؛ އަދި
  2. ވާހަކައިގެ ގޮތުގައި ނުވަތަ، މިއުޒިކް އަދި އެހެންވެސް އަޑުގެ ޒަރީޢާއިން؛ ނުވަތަ
  3. ޓެކްސްޓްގެ ޒަރީޢާއިން؛ ނުވަތަ
  4. (ހަރަކާތްކުރާ ނުވަތަ އެހެނިހެންވެސް) ފެންނަ ތަސްވީރެއްގެ ޒަރީޢާއިން؛ ނުވަތަ
  5. އެހެން އެއްވެސް ސިގްނަލެއްގެ ޒަރީޢާއިން؛ ނުވަތަ
  6. އެހެން އެއްވެސް ޒަރީޢާއަކުން؛ ނުވަތަ
  7. މި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކަމެއް ނުވަތަ ކަންތައްތަކެއް ހިމެނޭ ކަމެއްގެ ބޭނުންކޮށްގެން މުއާސަލާތުކުރުން.

(ކ) "ހިދުމަތް ލިބިގަންނަ ފަރާތުގެ އިކުއިޕްމަންޓް" ކަމަށް ބުނެފައި އެވަނީ، އެއްވެސް މާއްދާއެއް ނުވަތަ އިކުއިޕްމަންޓެއް، ނުވަތަ ހާޑްވެއަރ ނުވަތަ ސޮފްޓްވެއަރގެ ގޮތުގައި ބޭނުންކުރެވޭ ޓެލެކޮމިއުނިކޭށަންގެ ހިދުމަތަކާ ގުޅިގެން ބޭނުންކުރާ ނުވަތަ ބޭނުންކުރުމަށް ގަސްދުކުރާ ނުވަތަ ގާއިމުކުރެވިފައިވާ އަދި ނެޓްވަރކްގެ ސަރަހައްދުގައި ހިދުމަތް ލިބިގަންނަ ފަރާތުން ބޭނުންކުރާ ކޮންމެ އެއްޗެއް ހިމެނޭ ގޮތުގެމަތިން، އަދި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ހިދުމަތް ލިބިގަންނަ ފަރާތުގެ އިކުއިޕްމަންޓްކަމަށް ބަޔާންކޮށްފައިވާ އެހެނިހެން ތަކެއްޗަށެވެ.

(އ) "ޔުނިވަރސަލް ހިދުމަތް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 42 ވަނަ މާއްދާގެ ދަށުން އޮތޯރިޓީން ކަނޑައަޅާ ހިދުމަތަށް ނުވަތަ ވަސީލަތަށެވެ.

(ވ) "އެކްސްކްލޫސިވް ލައިސަންސް" ކަމަށް ބުނެފައި އެވަނީ، އެކްސްކްލޫސިވް އަސާސެއްގެ ދަށުން ދޫކުރެވޭ ކެރިއަރ ލައިސަންސަށް ނުވަތަ ސަރވިސް ޕްރޮވައިޑަރ ލައިސަންސަކަށެވެ.

(މ) "ފްރީކުއެންސީ ބޭންޑް ޕްލޭން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 64 ވަނަ މާއްދާގެ ދަށުން ތަރައްގީކުރެވޭ ފްރީކުއެންސީ ބޭންޑް ޕްލޭނަށެވެ.

(ފ) "ފަންޑު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 44 ވަނަ މާއްދާގެ ދަށުން ގާއިމުކުރެވޭ ޔުނިވަރސަލް ހިދުމަތުގެ ފަންޑަށެވެ.

(ދ) "އިންޑިވިޖުއަލް ލައިސަންސް" ކަމަށް ބުނެފައި އެވަނީ، ކަނޑައެޅޭ ވަކި މީހަކަށް، ކަނޑައަޅާފައިވާ ވަކި ހަރަކާތެއް ހިންގުމަށް ދޫކުރެވޭ އިންޑިވިޖުއަލް ލައިސަންސަކަށެވެ. މިގޮތުން ދޫކުރެވޭ ލައިސަންސްގައި ވަކި ހަރަކާތެއް ހިންގުމަށް ކަނޑައަޅާ ށަރުތުތަކެއް ހިމެނިދާނެއެވެ. އަދި ވަކި ގޮތަކަށް ކަނޑައެޅެންދެން، މީގެ ތެރޭގައި "ކެރިއަރ ލައިސަންސް" އާއި "ސަރވިސް ޕްރޮވައިޑަރ ލައިސަންސް" ވެސް ހިމެނެއެވެ.

(ތ) "އިންޓަރކަނެކްށަން އެއްބަސްވުން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 34 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަކާގުޅޭ އެއްބަސްވުމަކަށެވެ.

(ލ) "ލައިސަންސް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން ދޫކުރެވޭ ލައިސަންސަކަށެވެ. އަދި މިގޮތުން ދޫކުރެވޭ ލައިސަންސްގެ ތެރޭގައި ކްލާސް ލައިސަންސްވެސް ހިމެނެއެވެ.

(ގ) "ލައިސަންސް ލިބޭ ފަރާތް" ނުވަތަ "ލައިސަންސް ދޫކުރެވޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، އިންޑިވިޖުއަލް ލައިސަންސެއް ލިބިފައިވާ ފަރާތަކަށް ނުވަތަ މި ގާނޫނުގެ ދަށުން ކަނޑައަޅާ ހަރަކާތްތައް ހިންގުމަށް ލައިސަންސް ދޫކުރެވިފައިވާ ފަރާތަކަށެވެ.

(ޏ) "ނެޓްވަރކް ފެސިލިޓީ އެކްޓިވިޓީ" ކަމަށް ބުނެފައި އެވަނީ، ނެޓްވަރކާބެހޭ ތަކެތި އިންސްޓޯލްކޮށް، މަރާމާތުކޮށް، ބަދަލުކޮށް ނުވަތަ ބަދަލުގެނެސް، އަދި މިނޫންވެސް  މިފަދަ ކަމެއްކުރުމުގެ ތެރޭގައި ކުރަންޖެހޭ އެހެނިހެން ކަންތައްތަކަށެވެ.

(ސ) "މިނިސްޓަރު" ކަމަށް  ބުނެފައި އެވަނީ، މުއާސަލާތީ ހިދުމަތްތައް ތަންޒީމުކޮށް ހިންގުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކުރެވިފައިވާ ވުޒާރާގެ ވަޒީރަށެވެ.

(ޑ) "މިނިސްޓްރީ" ކަމަށް  ބުނެފައި އެވަނީ، މުއާސަލާތީ ހިދުމަތްތައް ތަންޒީމުކޮށް ހިންގުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކުރެވިފައިވާ ވުޒާރާއަށެވެ.

(ޒ) "ނެޓްވަރކްގެ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ބޭނުމަށް އޮތޯރިޓީން، ލިޔުމަކުން ނެރޭ ގަރާރުގައި ކަނޑައަޅާފައިވާ ނެޓްވަރކްގެ ސަރަހައްދަކަށެވެ. މިގޮތުން ނެޓްވަރކްގެ ސަރަހައްދެއް ކަނޑައަޅާފައި ނުވާނަމަ، ނެޓްވަރކްގެ ސަރަހައްދުކަމަށް ބަލާނީ:

  1. އަމިއްލަ މީހުންގެ ގޯތިގެދޮރުގައި ޓެލެކޮމިއުނިކޭށަންގެ ހިދުމަތެއް ފޯރުކޮށްދިނުމަށް ބެހެއްޓޭ ފުރަތަމަ ސޮކެޓަށް؛ ނުވަތަ
  2. ޢިމާރާތެއްގައި ބެހެއްޓިފައި ހުންނަ ޑިސްޓްރިބިއުށަންގެ މައި ފޮއްޓަށް؛ ނުވަތަ
  3. އޮތޯރިޓީން ލިޔުމަކުން ވަކިގޮތަކަށް ކަނޑަނާޅާހާ ހިނދަކު، ހިދުމަތް ލިބިގަންނަ ފަރާތާއި، ލައިސަންސް ލިބިފައިވާ ފަރާތުން ނެޓްވަރކްގެ ސަރަހައްދުކަމަށް އެއްބަސްވާ ތަނަކަށެވެ.

(ޓ) "ނެޓްވަރކް ފެސިލިޓީ" ނުވަތަ "ނެޓްވަރކްގެ ވަސީލަތްތައް" ކަމަށް ބުނެފައި އެވަނީ، ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ އިކުއިޕްމަންޓްތައް ނުހިމެނޭ ގޮތުގެމަތިން، ޓެލެކޮމިއުނިކޭށަންގެ ހިދުމަތެއް ދިނުމުގެ ގޮތުން ނުވަތަ އެފަދަ ހިދުމަތަކާ ގުޅޭގޮތުން ބޭނުންކުރާ، މާއްދީ އޮނިގަނޑުގެ މާއްދާއަކަށް ނުވަތަ މާއްދާތަކަކަށެވެ.

(ޔ) "ނަންބަރިންގ ޕްލޭން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 57 ވަނަ މާއްދާގެ (ށ) ގެ ދަށުން ކަނޑައަޅާ ނަންބަރު ދިނުމުގެ އުސޫލަކަށެވެ.

(ޕ) "ރޭޑިއޯ ކޮމިއުނިކޭށަން" ކަމަށް ބުނެފައި އެވަނީ، މުއާސަލާތުގެ ބޭނުމަށް އެއްތަނުން އަނެއްތަނަށް ފޮނުވޭ އަދި/ނުވަތަ ލިބިގަނެވޭ ރޭޑިއޯ ސިގްނަލްތަކަށެވެ.

(ޖ) "ރޭޑިއޯ ކޮމިއުނިކޭށަންގެ އިކުއިޕްމަންޓް" ކަމަށް ބުނެފައި އެވަނީ، ރޭޑިއޯ ކޮމިއުނިކޭށަނާ ގުޅޭގޮތުން ބޭނުންކުރެވޭ، ނުވަތަ ބޭނުންކުރަން ގަސްދުކުރާ ރޭޑިއޯއާއި، ރޭޑިއޯ ޓްރާންސްމިޓަރާއި، ރިސީވަރާއި، އެންޓެނާއާއި، އެތަކެތި ހަރުކުރުމަށް ބޭނުންކުރެވޭ އޮނިގަނޑާއި، ކަމާގުޅޭ އެހެނިހެން އާލާތްތަކާއި އިކުއިޕްމަންޓްތަކާއި، އަދި ރޭޑިއޯ ކޮމިއުނިކޭށަނެއް ގާއިމުކުރުމުގެ ބޭނުމަށް ނޫންކަމުގައި ވީނަމަވެސް، އެއްވެސް ކަހަލަ ރޭޑިއޯ ސިގްނަލެއް އުފައްދައި، ފޮނުވުމަށް ބޭނުންކުރެވޭ ކޮންމެ އިކުއިޕްމަންޓެއް ހިމެނޭ ގޮތަށެވެ.

(ޗ) "ހިދުމަތް ފޯރުކޮށްދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ސަރވިސް ޕްރޮވައިޑަރ ލައިސަންސް ލިބިފައިވާ ފަރާތަކަށެވެ.

(ހހ) "ސަރވިސް ޕްރޮވައިޑަރ ލައިސަންސް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ޓެލެކޮމިއުނިކޭށަންގެ ހިދުމަތް ފޯރުކޮށްދިނުމަށް ދޫކުރެވިފައިވާ ލައިސަންސަކަށެވެ.

(ށށ) "ސްޕެކްޓްރަމް" ކަމަށް ބުނެފައި އެވަނީ، ރޭޑިއޯ މުއާސަލާތްތައް ގާއިމުކުރުމަށް ފްރީކުއެންސީތަކަށް ބޭނުންވާ ސަރަހައްދަށެވެ.

(ނނ) "ސްޕެކްޓްރަމް އެސައިންމަންޓް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގެ ދަށުން އޮތޯރިޓީން އެހެން ފަރާތަކަށް ފްރީކުއެންސީ ބޭންޑް ދިނުމާ ބެހޭގޮތުން ވެވޭ ޢަގުދަކަށެވެ.

(ރރ) "ސްޕެކްޓްރަމް ޕްލޭން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 63 ވަނަ މާއްދާގެ ދަށުން އެކުލަވާލެވޭ ސްޕެކްޓްރަމްތައް ކަނޑައެޅުމުގެ މަށްރޫޢަކަށެވެ.

(ބބ) "ޓެލެކޮމިއުނިކޭށަން" ކަމަށް ބުނެފައި އެވަނީ، ވަޔަރު، ނުވަތަ ރޭޑިއޯ، ނުވަތަ އޮޕްޓިކަލް، ނުވަތަ އެހެނިހެން އިލެކްޓްރޯ މެގްނެޓިކް ނިޒާމުތަކެއް މެދުވެރިކޮށް، އެއްވެސް ބާވަތެއްގެ އިށާރާތެއް، ސިގްނަލެއް، ލިޔުމެއް، ފޮޓޯއެއް، އަޑެއް ނުވަތަ އެއްވެސް ބާވަތެއްގެ އިންޓަލިޖަންސެއް ބަދަލުކުރުމާއި، ފޮނުވުމާއި ލިބިގަތުމަށެވެ.

(ޅޅ) "ޓެލެކޮމިއުނިކޭށަންގެ އިކުއިޕްމަންޓް" ކަމަށް ބުނެފައި އެވަނީ، ނެޓްވަރކްގެ ވަސީލަތްތަކާއި ހިދުމަތް ލިބިގަންނަ  ފަރާތުން ބޭނުންކުރާ އިކުއިޕްމަންޓް ހިމެނޭގޮތަށެވެ.

(ކކ) "ޓެލެކޮމިއުނިކޭށަންގެ ސިނާޢަތު" ކަމަށް  ބުނެފައި އެވަނީ، ޓެލެކޮމިއުނިކޭށަންގެ ހިދުމަތް ފޯރުކޮށްދިނުމުގައި  އަންނަނިވި ކަންކަން ށާމިލުވާ ސިނާޢަތަކަށެވެ.

  1. ކެރިއަރެއްގެ ގޮތުގައި ހިދުމަތް ފޯރުކޮށްދިނުން؛
  2. ހިދުމަތް ފޯރުކޮށްދޭ ފަރާތެއްގެ ގޮތުން ހިދުމަތްދިނުން؛
  3. ޓެލެކޮމިއުނިކޭށަންގެ ހިދުމަތާ ގުޅިގެން މުދަލެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުން؛
  4. ހިދުމަތް ލިބިގަންނަ ފަރާތަށް ބޭނުންވާނެ އިކުއިޕްމަންޓް ނުވަތަ އެހެނިހެން ޓެލެކޮމިއުނިކޭށަންގެ އިކުއިޕްމަންޓް އިމްޕޯޓުކުރުން ނުވަތަ ތައްޔާރުކުރުން؛
  5. ޓެލެކޮމިއުނިކޭށަންގެ ނެޓްވަރކްގެ ނުވަތަ ޓެލެކޮމިއުނިކޭށަންގެ އިކުއިޕްމަންޓްތައް ގާއިމުކުރުމާއި، މަރާމާތުކުރުމާއި، މަސައްކަތްކުރުން ނުވަތަ ޓެލެކޮމިއުނިކޭށަންގެ ހިދުމަތަކަށް ގުޅުން ގާއިމުކުރުން.

(އއ) "ޓެލެކޮމިއުނިކޭށަންގެ ވިޔަފާރި" ކަމަށް ބުނެފައި އެވަނީ، ޓެލެކޮމިއުނިކޭށަންގެ ހިދުމަތްތައް ނުވަތަ ޓެލެކޮމިއުނިކޭށަންގެ އިކުއިޕްމަންޓް ފޯރުކޮށްދޭ ނުވަތަ ލިބިގަންނަ ކޮންމެ ވިޔަފާރިއަކަށެވެ.

(ވވ) "ޓެލެކޮމިއުނިކޭށަންގެ ނެޓްވަރކް" ކަމަށް ބުނެފައި އެވަނީ، ވަކިގޮތަކަށް އަމާޒުކޮށްގެން ނުވަތަ އަމާޒުނުކޮށް، ނުވަތަ މި ދެ ގޮތުގެމަތިން ބޭނުންކުރެވޭ އިލެކްޓްރޯ މެގްނެޓިކް ހަކަތައިގެ  ޒަރީޢާއިން، ގާއިމުކުރެވިފައިވާ ތަންތަނަށާއި، ނުވަތަ ބަދަލުވާ ތަންތަނަށާއި، ނުވަތަ ގާއިމުކުރެވިފައިވާ ތަންތަނާއި ބަދަލުވާ ތަންތަނުގެ ދެމެދުގައި އެއް ޕޮއިންޓުން އަނެއް ޕޮއިންޓަށް ނުވަތަ އެއް ޕޮއިންޓުން ގިނަ ޕޮއިންޓްތަކަކަށް، ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި، ނުވަތަ ރާއްޖެއާއި ރާއްޖެއިން  ބޭރުގެ ސަރަހައްދުތަކުގެ މެދުގައި، މުއާސަލާތްތައް ބަދަލުކުރުމަށް ބޭނުންކުރެވޭ ނިޒާމަށް، ނުވަތަ ނިޒާމުތަކަށެވެ.

(މމ) "ޓެލެކޮމިއުނިކޭށަންގެ އޮފިސަރު" ކަމަށް ބުނެފައި  އެވަނީ، ޓެލެކޮމިއުނިކޭށަންގެ ހިދުމަތަކާ ގުޅިގެން ވަޒީފާދެވޭ ކޮންމެ މީހަކާއި އޮތޯރިޓީގެ މެންބަރަކަށް ނުވަތަ އޮތޯރިޓީގެ ކޮންޓްރެކްޓަރެއް ނުވަތަ މުވައްޒަފަކަށް ނުވަތަ ޓެލެކޮމިއުނިކޭށަންގެ ހިދުމަތާ ގުޅިގެން ރަސްމީ ވާޖިބުތައް އަދާކުރަންޖެހޭ ކޮންމެ މީހަކަށެވެ.

(ފފ) "ޓެލެކޮމިއުނިކޭށަންގެ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ޓެލެކޮމިއުނިކޭށަންގެ ނެޓްވަރކެއްގެ ޒަރީޢާއިން ޢާންމުންނަށް ފޯރުކޮށްދެވޭ މުއާސަލާތީ ހިދުމަތަށެވެ.

(ދދ) "ޢާންމުންނަށް ދެވޭ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ޓޫރިސްޓް ރިޒޯޓެއްގެ މެހެމާނުންނަށް، ހޮޓަލަކަށް ނުވަތަ މީހުން ތިބޭ ގޮތަށް ހަމަޖެހިފައިވާ ތަންތަނަށް ފޯރުކޮށްދެވޭ ހިދުމަތް ހިމެނޭ ގޮތަށެވެ.

(ތތ) "ޔުނިވަރސަލް ހިދުމަތެއް ފޯރުކޮށްދިނުމުގެ ޒިންމާ" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޒިންމާއަށެވެ.

(ލލ) "މީހުން" ނުވަތަ "ފަރާތް" ކަމަށް ބުނެފައި އެވަނީ، ވަކިވަކި ފަރުދުންނާއި، ރަޖިސްޓަރީކޮށްފައިވާ އަދި ރަޖިސްޓަރީކޮށްފައި ނުވާ ށަހްސުތަކާއި، ޖަމާޢަތްތަކާއި، ޕާޓްނަރށިޕްތަކާއި، ގާނޫނީ ށަހްސުތައް ހިމެނޭ ގޮތުންނެވެ.

(ގގ) "ދިވެހިރާއްޖޭގެ ގައުމީ ދިފާޢީ ބާރު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2008-01 (ސިފައިންގެ ގާނޫނު) ގެ 5 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ އަސްކަރީ ބާރަށެވެ.

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

  1. މޯބައިލް ފޯނުގެ ހިދުމަތް ހޯދުމަށް ބޭނުންކުރާ ފޯނު ނަންބަރު ދޫކުރުމާއި ނަންބަރު ބޭނުންކުރުމާބެހޭ ގަވާއިދ (ގަވާއިދު ނަންބަރު 2023-136)
  2. ޓެލެކޮމިއުނިކޭށަންގެ ޚިދުމަތް ދިނުމުގެ ލައިސަންސް ދޫކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-51)
  3. އާންމު ބޭނުމަށް ފްރިކްއެންސީ ދޫކުރުމާއި ބޭނުންކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-39)
  4. ށޯޓް ކޯޑް ދޫކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-38)
  5. ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއަށް ހުށަހެޅޭ ށަކުވާގެ މައްސަލަތައް ތަހުގީގު ކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-36)
  6. ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ހިންގާ ގަވާއިދު (ގަވާއިދު ނަންބަރު 2021-35)
  7. ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއަށް ށަކުވާ ހުށަހަޅާނެ ގޮތާއި، އެ ށަކުވާތަކަށް ޖަވާބު ދިނުމުގައި އަމަލު ކުރާނެ އުސޫލުތަކާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-34)
  8. މުއާސަލާތާބެހޭ ތަކެތީގެ ވިޔަފާރި ކުރުމަށް ލައިސަންސް ދޫކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-26)

 

އުވުނު ގާނޫނު

  1. ކޮމިއުނިކޭށަނާ ބެހޭ ފްރިކުއެންސީ ރަޖިސްޓްރީ ކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 1978-38)
  2. ފިކްސްޑް ޓްރާންސްމިޓިންގ ސްޓޭށަންގެ ލައިސެންސާ ބެހޭ ގާނޫނު (ގާނޫނު ނަންބަރު 1978-37)
  3. ށިޕްސްޓޭށަންގެ ލައިސެންސާ ބެހޭ ގާނޫނު (ގާނޫނު ނަންބަރު 1978-36)
  4. އެމެޗަރޓްރާސްމިޓިންގ ސްޓޭށަންގެ ލައިސަންސާ ބެހޭ ގާނޫނު (ގާނޫނު ނަންބަރު 1978-35)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު