ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 1994-06) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު
(ގާނޫނު ނަންބަރު 2016-01)
ގާނޫނު ނަންބަރު 1994-06 (ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 4 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާތައް އިތުރުކުރުން.
5. މަޖިލިސް އުފެދުން
(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ދިވެހިރާއްޖޭގައި ދީނީ ގޮތުން ހިޔާލު ތަފާތު އުފެދޭ ކަންކަމުގައި، ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ދީނީ ފަތުވާ ފޯރުކޮށްދިނުމަށާއި، ފިގްހީ އައު މައްސަލަތަކުގެ ދިރާސާތައްކޮށް، އެކަންކަމާ ގުޅޭ ދީނީ ލަފާ ފޯރުކޮށްދިނުމަށްޓަކައި، "އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް" ގެ ނަމުގައި މަޖިލީހެއް އުފެދުނީއެވެ.
(ށ) މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަށުން ހިނގަމުން އައި "ފިގްހު އެކަޑަމީ" އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް" އަށް ބަދަލުވީއެވެ.
6. އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް ގާއިމްކުރުން
(ހ) މި ގާނޫނުގެ ދަށުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށްޓަކައި، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުގައި "އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް" ގެ ނަމުގައި އޮފީހެއް ރައީސުލްޖުމްހޫރިއްޔާ ގާއިމްކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ގާއިމްކުރާ އޮފީހަކީ، މިނިސްޓްރީގެ ދަށުން ހިންގޭ، ދައުލަތުގެ ވަކި އިދާރާއެކެވެ.
(ނ) މި ގާނޫނުގެ ދަށުން އުފެދޭ މަޖިލިސް ޖަވާބުދާރީވަނީ މިނިސްޓަރަށެވެ.
މަޖިލީހުގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
7. މަޖިލީހުގެ މަސްއޫލިއްޔަތުތައް
(ހ) ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ގާއިމްކޮށް ދެމެހެއްޓުމަށްޓަކައި ދިވެހި މުޖުތަމައަށް ބޭނުންވާ ދީނީ ފަތުވާ އާންމުންނަށް ފޯރުކޮށްދިނުން؛
(ށ) ދައުލަތުގެ މުއައްސަސާތަކުން މަޖިލީހުގެ ލަފަޔަށް އެދޭ ދީނީ ކަންކަމުގައި، އެ މުއައްސަސާތަކަށް ބޭނުންވާ އިސްތިށާރީ ލަފާ ފޯރުކޮށްދިނުން؛
(ނ) އިސްލާމީ އުންމަތަށް ދިމާވާ ފިގްހީ އައު މައްސަލަތަކަކީ ކޮބައިކަން ދެނެގަނެ، އެފަދަ މައްސަލަތަކުގެ ތެރެއިން ދިވެހި ރައްޔިތުންނަށް ދީނީގޮތުން ފަތުވާ ދިނުން މުހިންމުކަމަށް މަޖިލީހަށް ފެންނަ މައްސަލަތަކުގައި، ދީނީ ފަތުވާ އާންމުންނަށް ފޯރުކޮށްދިނުން؛
(ރ) ދިވެހިރާއްޖޭގައި ދީނީ ގޮތުން ހިޔާލު ތަފާތުވުން އުފެދޭ މައްސަލަތައް ދެނެގަނެ، އެކަންކަމުގެ ދިރާސާތައްކޮށް، އެފަދަ މައްސަލަތަކުގައި މަޖިލީހުގެ ފަތުވާ އާންމުންނަށް ފޯރުކޮށްދިނުން؛
(ބ) ދިވެހި ރައްޔިތުންގެ މެދުގައި އުފެދޭ ދީނީ ހިޔާލު ތަފާތުވުންތައް ނައްތާލުމަށާއި، މުޖުތަމައުގެ މަސްލަހަތު ހިމެނޭ ދީނުގެ އެކި މައްސަލަތަކުގައި ހިޔާލު ހޯދާ މަޝްވަރާކުރުމަށްޓަކައި، ދީނީ އިލްމުވެރިންގެ މަހާސިންތާތަކާއި ސެމިނަރތައް ރާވައި ހިންގުން؛ އަދި
(ޅ) ދީނީ ކަންކަމުގައި އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި، ތަފާތު ދީނީ މައުލޫއުތަކަށް ދިރާސާކޮށް ލިޔެފައިވާ ލިޔުންތައް ށާއިއުކޮށް ނެރުން.
8. މެންބަރުންގެ އަދަދު
މަޖިލިސް އެކުލެވިގެންވަނީ 5 (ފަހެއް) މެންބަރުންގެ މައްޗަށެވެ.
9. މަޖިލިސް އެކުލެވިގެންވާ ގޮތް
މަޖިލިސް އެކުލެވިގެންވަނީ، ތިރީގައި ބަޔާންކޮށްފައިވާ މީހުންގެ މައްޗަށެވެ.
(ހ) މިނިސްޓަރުގެ ލަފާގެ މަތިން އައްޔަންކުރާ 1 (އެކެއް) މެންބަރު؛
(ށ) ދިވެހިރާއްޖޭގެ ށަރުއީ ކޯޓުތަކުގައި ފަނޑިޔާރުންގެ ތެރެއިން، އުއްތަމަ ފަނޑިޔާރުގެ ލަފާގެ މަތިން އައްޔަންކުރާ 1 (އެކެއް) މެންބަރު؛
(ނ) ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ ނުވަތަ އިސްލާމިކް ޔުނިވަރސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ 1 (އެކެއް) މެންބަރު؛ އަދި
(ރ) ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ އިތުރު 2 (ދޭއް) މެންބަރުން.
10.މެންބަރުކަމުގެ ށަރުތު
މަޖިލީހަށް އައްޔަންކުރެވޭ މެންބަރުން މެންބަރުކަމުގެ މަގާމުގައި ދެމިތިބޭއިރު ތިރީގައިމިވާ ށަރުތުތައް އެ މެންބަރުންގެ ކިބައިގައި ފުރިހަމަވާންވާނެއެވެ.
(ހ) ދިވެހިރައްޔިތަކު ކަމުގައިވުން؛
(ށ) އުމުރުން 25 (ފަންސަވީސް) އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން؛
(ނ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ކުރިއަށް ށަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން؛ އަދި
(ރ) އިސްލާމީ ފިގުހު ނުވަތަ ފިގުހު މުގާރަން ނުވަތަ އުސޫލުލް ފިގުހު ނުވަތަ އިސްލާމީ ށަރީއާއިން އެންމެ ދަށްވެގެން ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް-9 ގެ ސަނަދެއް އަރަބި އިސްލާމީ ޔުނިވަރސިޓީއަކުން އަރަބިބަހުން ނުވަތަ އިނގެރޭސި ބަހުން ހާސިލުކޮށް އަދި އެ ދާއިރާއިން ދިވެހިރާޢްޖޭގައި މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައިވުން.
11. މެންބަރުން އައްޔަންކުރުން
މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މަޖިލީހަށް އައްޔަންކުރަންޖެހޭ މެންބަރު މަޖިލީހަށް އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
12. މަޖިލީހުގެ ރައީސް
މަޖިލީހުގެ މެންބަރުންގެ ތެރެއިން މީހަކު، މަޖިލީހުގެ ރައީސް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެއެވެ.
13. މަޖިލީހިގެ ރައީސްގެ ޒިންމާ
މަޖިލީހުގެ ރައީސްގެ ޒިންމާތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) މި ގާނޫނުގެ ދަށުން މަޖިލީހުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން؛
(ށ) މަޖިލީހުގެ ޖަލްސާތަކުގެ އެޖެންޑާ ކަނޑައޅުމާއި، ރިޔާސަތު ބެލެހެއްޓުމާއި ޖަލްސާތަކުގެ ގަވާއިދުތައް ހިފެހެއްޓުން؛
(ނ) މަޖިލީހަށް ހުށަހެޅޭ މައްސަލަތައް ދިރާސާކުރުމާއި އެހެނިހެން މަސައްކަތްތައް ބެހެއްޓުން މެންބަރުންނާ ހަވާލުކުރުން؛ އަދި
(ރ) މަޖިލީހަށް ހުށަހެޅޭ މައްސަލަތަކުގައި މަޖިލީހުން ނިންމާ ނިންމުންތައް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.
14. މަޖިލީހުގެ ނައިބު ރައީސް
މަޖިލީހުގެ މެންބަރުންގެ ތެރެއިން މީހަކު، މަޖިލީހުގެ ނައިބު ރައީސް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެއެވެ.
15. މަޖިލީހުގެ ނައިބު ރައީސްގެ ޒިންމާ
މަޖިލީހުގެ ނައިބު ރައީސްގެ ޒިންމާތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
(ހ) މަޖިލީހުގެ ރައީސަށް އޭނާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ނުކުޅެދިއްޖެ ހާލަތެއްގައި، ނުވަތަ އުޒުރުވެރިވެއްޖެ ހާލަތެއްގައި، ނުވަތަ އެ މަގަމު ހުސްވެއްޖެ ހާލަތެއްގައި، ރައީސްގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރުން؛
(ށ) މަޖިލީހިގެ މަސައްކަތްތަކާ ގުޅިގެން މަޖިލީހުގެ ރައީސް ހަވާލުކުރާ މަސައްކަތްތައް ކުރުން؛ އަދި
(ނ) މަޖިލީހުގެ ރައީސްގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެހީތެރިވެދިނުން.
16. މަޖިލީހުގެ މެންބަރުންގެ ޒިންމާ
މަޖިލީހުގެ މެންބަރުންގެ ޒިންމާތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) މަގްބޫލު އުޒުރެއް ދިމާވެގެން މެނުވީ، މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވުން؛
(ށ) މަޖިލީހުގެ މަސައްކަތްތަކާ ގުޅިގެން މަޖިލީހުގެ ރައީސް އެ މެންބަރަކަށް ހަވާލުކުރާ މަސައްކަތްތައް ފަރުވާތެރިކަމާއެކު ފަރުދީގޮތުން ކުރުމާއެކު، މަޖިލީހުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުން؛ އަދި
(ނ) މަޖިލީހުގެ މަސައްކަތްތަކަށް ރިއާޔަތްކޮށް މަޖިލީހުގެ މަސްލަހަތު ކުރިއެރުވުމަށް މަސައްކަތް ކުރުން.
17. މެންބަރުކަމުގެ ދައުރުގެ މުއްދަތު
މަޖިލީހުގެ މެންބަރުކަމަށް އައްޔަންކުރެވޭ މީހަކު، އެ މަގާމުގައި ހުންނާނީ ތިރީގައި ބަޔާންވެގެންވާ މުއްދަތަށެވެ.
(ހ) މަޖިލީހަށް އައްޔަންކުރެވޭ މެންބަރަކު، މުންބަރުކަމުގެ މަގާމުގައި ދެމިހުންނާނީ އެ މެންބަރަކު އައްޔަންކުރެވޭ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށެވެ.
(ށ) މި ގާނޫނުގެ ދަށުން މެންބަރުކަމަށް އައްޔަންކުރެވޭ އެއްވެސް މީހަކަށް ވިދިވިދިގެން ނުވަތަ އެނޫންވެސް ގޮތަކަށްވިއަސް 5 (ފަހެއް) އަހަރުގެ 2 (ދޭއް) ދައުރަށްވުރެ ގިނަ ދުވަހު މެންބަރުކަމުގައި ނުހުރެވޭނެއެވެ.
18. އިނާޔަތް
މަޖިލީހުގެ މެންބަރުންނަށް ދެވޭ އިނާޔަތްތައް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ މަޝްވަރާއާއެކު ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
19. މަގާމު ހުސްވުން
ތިރީގައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެންބަރަކަށް މެދުވެރިވެއްޖެނަމަ، އެ މެންބަރެއްގެ މަގާމު ހުސްވާނެއެވެ.
(ހ) މި ގާނޫނުގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އިސްތިއުފާދިނުން؛
(ށ) މެންބަރުކަމުގެ ދައުރު ހަމަވުން؛
(ނ) މި ގާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މެންބަރުކަމުން ވަކިކުރުން؛
(ރ) މަޖިލީހުގެ މެންބަރުންގެ ކިބައިގައި ހުރުން މި ގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން ލާޒިމުކުރާ ށަރުތުތަކުގެ ތެރެއިން ށަރުތެއް އުނިވުން.
20. ހުސްވާ މަގާމަށް މީހުން އައްޔަންކުރުން
މި ގާނޫނުގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެގެން މަޖިލީހުގެ ރައީސްކަމުގެ މަގާމު ނުވަތަ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމު ނުވަތަ މަޖިލީހުގެ މެންބަރުކަމުގެ މަގާމެއް ހުސްވެއްޖެނަމަ، އެ މަގާމެއް ހުސްވާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އަލުން އައްޔަންކުރަންވާނެއެވެ.
21. އިސްތިއުފާދިނުން
(ހ) މަޖިލީހުގެ މެންބަރަކު އޭނާގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، ސަބަބު ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން އެ މެންބަރަކު މެންބަރުކަމުން ވަކިވީއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް، ރައީސްކަމުން ނުވަތަ ނައިބު ރައީސްކަމުން އިސްތިއުފާދިން ކަމުގައިވިޔަސް، މަޖިލީހުގެ މެންބަރުކަމުން އޭނާ އިސްތިއުފާދިނީ ކަމުގައި ނުބެލެވޭނެއެވެ.
22. މެންބަރުކަމުން ވަކިކުރުން
ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިކުރުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.
(ހ) މަގުބޫލު އުޒުރެއްނެތި މެންބަރަކު ވިދިވިދިގެން މަޖިލީހުގެ 3 (ތިނެއް) ޖަލްސާއަށް ހާޒިރުނުވުން؛
(ށ) މަޖިލީހުގެ މެންބަރެއްގެ ކިބައިގައި ހުރުމަށް މި ގާނޫނު ލާޒިމުކުރާ ށަރުތެއް އުނިވުން؛
(ނ) މެންބަރަކު ކުރިކަމެއްގެ ސަބަބުން، އޭނާއަކީ މެންބަރުކަން ކުރުމަށް އެކަށީގެންނުވާ މީހަކު ކަމުގައިވުން؛
(ރ) މެންބަރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނާގާބިލުވުން؛
(ބ) ޖިނާއީ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވުން؛
(ޅ) ށަރުއީ ހުކުމަކުން އިފްލާސްކުރުން.
23. ސެކްރެޓަރީ ޖެނެރަލް އައްޔަންކުރުން
(ހ) މަޖިލީހުގެ އިދާރީ ކަންކަން ހިންގުމުގެ މަސްއޫލުވެރި ފަރާތެއްގެ ގޮތުގައި އިސްވެ ހުންނާނީ މަޖިލީހުގެ ސެކްރެޓަރީ ޖެނެރަލްއެވެ.
(ށ) މި ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަޖިލީހަށް މެންބަރުން އައްޔަންކުރެވުމާއެކު، ވީ އެންމެ އަވަހަކަށް، ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމަށް މީހަކު އައްޔަންކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސެކްރެޓާރީ ޖެނެރަލްކަމުގެ މަގާމަށް މީހަކު އައްޔަންކުރާނީ، އެކަމަށް ކުރިމަތިލިމަށް އާންމުކޮށް އިއުލާންކުރުމުން އެކަމަށް އެދި ހުށަހަޅާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު، އެފަރާތްތަކުގެ ގާބިލްކަމާއި ތައުލީމާއި ތަރުޖިބާގެ މައްޗަށް ބިނާކޮށް، މަޖިލީހުންނެވެ.
24. ސެކްރެޓަރީ ޖެނެރަލްގެ ށަރުތުތައް
ސެކްރެޓަރީ ޖެނެރަލްގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.
(ހ) ދިވެހިރައްޔިތަކު ކަމުގައިވުން؛
(ށ) އުމުރން 25 (ފަންސަވީސް) އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން؛
(ނ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން؛
(ރ) ހިންގުމުގެ ދާއިރާއިން އެންމެ ދަށްވެގެން ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް-9 ގެ ސަނަދެއް ހާސިލުކޮށް އަދި އެ ދާއިރާއިން މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ހާސިލުކޮށްފައިވާ މީހަކު ކަމުގައިވުން ނުވަތަ ލެވެލް-8 ގެ ސަނަދެއް ހާސިލުކޮށް އެ ދާއިރާއިން މަދުވެގެން 7 (ހަތެއް) އަހަރުދުވަހުގެ ތަޖުރިބާ ހާސިލުކޮށްފައިވާ މީހަކު ކަމުގައިވުން؛
(ބ) ސިޔާސީ ޕާޓީއެއްގެ މަގާމެއްގައި ހުރި މީހެއް ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގެ މުވައްޒަފެއް ކަމުގައި ނުވުން؛ އަދި
(ޅ) އަރަބި ބަސް ނުވަތަ އިނގެރޭސި ބަހުން ފަސޭހަކަމާއެކު މުއާމަލާތުކުރެވޭ މީހަކު ކަމުގައިވުން.
25. ސެކްރެޓަރީ ޖެނެރަލްގެ ޒިންމާ
ސެކްރެޓަރީ ޖެނެރަލްގެ ޒިންމާތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން މަޖިލީހުގެ އިދާރީ އެންމެހައި ކަންކަން ހިންގުން؛
(ށ) މަޖިލީހުގެ އެންމެހައި ހިސާބުތަކާއި ލިޔެކިޔުންތައް މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ބެހެއްޓުން؛
(ނ) މަޖިލީހުގެ ޖަލްސާތަކަށް ބޭނުންވާ އެންމެހައި އިދާރީ ކަންކަން ހަމަޖެއްސުމާއި މަޖިލީހުގެ ސެކްރެޓޭރިއެޓްގެ ކަންކަން ހަމަޖެއްސުން؛ އަދި
(ރ) މަޖިލީހުން ދޭ ފަތުވާތައް މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވައިދުތަކާ އެއްގޮތްވާ ގޮތުގެމަތިން އާންމުކޮސް ފެންނާނެހެން ށާއިއުކުރުމާއި އާންމުކުރުން.
26. ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ ދައުރު
(ހ) ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ ދައުރަކީ 5 (ފަހެއް) އަހަރުދުވަހެވެ.
(ށ) ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި މީހަކަށް އެންމެ ދިގު މުއްދަތަކަށް ހުރެވޭނީ 5 (ފަހެއް) އަހަރުދުވަހުގެ 2 (ދޭއް) ދައުރަށެވެ.
27. ސެކްރެޓަރީ ޖެނެރަލްގެ މުސާރައާއި އިނާޔަތް
ސެކްރެޓަރީ ޖެނެރަލްގެ މުސާރައާއި އިނާޔަތްތައް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ މަޝްވަރާއާއެކު ކަނޑައަޅާނީ މަޖިލީހުންނެވެ.
28. ސެކްރެޓަރީ ޖެނެރަލްގެ މަގާމުން އިސްތިއުފާދިނުން
ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނަ މީހަކު، އޭނާގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، ސަބަބު ބަޔާންކޮށް މަޖިލީހުގެ ރައީސަށް ސިޓީއެއް ހުށަހަޅައި، އެ ސިޓީ މަޖިލީހިގެ ރައީސަށް ލިބުމުން އެމީހަކު ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމުން ވަކިވީއެވެ.
29. ސެކްރެޓަރީ ޖެނެރަލް މަގާމުން ވަކިކުރެވޭނެ ހާލަތްތައް
(ހ) ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނަ މީހަކު، އެ މަގާމުން ވަކިކުރެވޭނީ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެނަބަރުންގެ އަގުލަބިއްޔަތުންނެވެ.
(ށ) ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނަ މީހަކު، އެ މަގާމުން ވަކިކުރުމަށް، މި މާއްދާގެ (ހ) ގެ ދަށުން މަޖިލީހަށް ލިބިދޭ ބާރު، އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއްގައި މެނުވީ ބޭނުންކޮށްގެން ނުވާނެއެވެ.
- މި ގާނޫނުގެ ދަށުން އޭނާ އަދާކުރަންޖެހޭ މަސްއޫލިއްޔަތެއް އަދާނުކުރުން ނުވަތަ މަސްއޫލިއްޔަތު އަދާކުރުމުގެ އިހުމާލުވުން؛
- މި ގާނޫނުގައި މަޖިލިސް ހިންގުމަށް ކަނޑައަޅާފައިވާ މަގްސަދުތަކާއި ސިޔާސަތުތަކާ ހިލާފުވުން.
30. މަޖިލީހުގެ އިދާރީ މުވައްޒަފުން
(ހ) މަޖިލީހުގެ މަސްއޫލިއްޔަތުތައް އަދާކޮށް މަސައްކަތްތައް ކުރުމަށްޓަކައި ބޭނުންވާނެ އިދާރީ މުވައްޒަފުންނާއި ވަސީލަތްތައް މިނިސްޓަރ ހަމަޖައްސައިދޭންވާނެއެވެ.
(ށ) މަޖިލީހުގެ އިދާރީ މުވައްޒަފުންނަކީ ސިވިލް ސަރވިސްގައި ހިމެނޭ މުވައްޒަފުންނެވެ.
31. މާލީ ކަންކަން
(ހ) މަޖިލީހުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ފައިސާ، ކޮންމެ އަހަރަކުވެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓެއްގެ ދަށުން ދައުލަތުގެ މާލިއްޔާއިން އެ މަޖިލީހަށް ދޫކުރަންވާނެއެވެ. އެގޮތުން، މަޖިލީހުން ބަޖެޓް އެކުލަވާލައި، ދައުލަތުގެ ބަޖެޓުގައި ހިމެނުމަށްޓަކައި ގާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދާ ގަވަޢިދާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ފޮނުވަންވާނެއެވެ.
(ށ) ބޭރުގެ ޖަމާއަތަކުން، ނުވަތަ ބޭރު ގައުމެއްގެ ސަރުކާރުން، ނުވަތަ އެނޫން އެއްވެސް ފަރާތަކުން މަޖިލީހަށް ދޭ މާލީ އެހީއެއް، މަޖިލީހުގެ މަގްސަދުތަކުގެ ތެރޭގައިވާ ކަންކަން ހާސިލުކުރުމަށް ނޫންގޮތެއްގައި ބޭނުންކޮށްގެންނުވާނެއެވެ.
(ނ) މަޖިލީހުގެ އެންމެހައި ހިސާބުތަކާއި ލިޔެކިޔުންތައް ބަލަހައްޓަންވާނީ ގާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތު ގާނޫނު) އާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
32. އޮޑިޓް ކުރުން
ކޮންމެ އަހަރަކު 1 (އެކެއް) ފަހަރު މަޖިލީހުގެ ހިސާބުތައް އޮޑިޓަރ ޖެނެރަލް ގަބޫލުކުރާ އަދި މަޖިލީހުން އެކަމަށް އައްޔަންކުރާ އެކައުންޓަންޓަކު މެދުވެރިކޮށް އޮޑިޓްކުރަންވާނެއެވެ.
33. މަޖިލީހުގެ ފަތުވާ
ދީނީ މައްސަލަތަކުގައި މަޖިލީހުން ދޭ ފަތުވާއަކީ އެކަމުގައި ނެރެވޭ އެންމެ ފަހު ފަތުވާއެވެ.
34. ގަވާއިދު ހެދުން
(ހ) މި ގާނޫނުގެ 8 ވަނަ މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި، އަންނަނިވި ކަންކަން ހިމެނޭ ގޮތުން ގަވާއިދު ހަދައި ހިންގާނީ، މަޖިލީހުންނެވެ.
- މަޖިލީހުގެ ލަފަޔާއި ފަތުވާއަށް އެދުމުގައި އަމަލުކުރަންވީ ގޮތް؛
- ށާއިއުކުރެވޭ ފަތުވާތަކުގައި ފުރިހަމަވާންޖެހޭ ސިފަތަކާއި ށަރުތުތައް؛
- މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިޔުމުގައާއި މަޖިލީހުގެ ނިންމުންތައް ނިންމުމުގައި އަމަލުކުރާނެގޮތް؛
- މަޖިލީހުގެ އެންމެހާ އިދާރީ ކަންކަން ރާވައި ހިންގާނެ ގޮތް.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ހަދައި، އާންމުކޮށް ށާއިއުކުރަންވާނެއެވެ.
2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 9 ވަނަ މައްދާގެ (ޅ) ގެ ފަހަތަށް އަންނަނިވި އަކުރުތައް އިތުރުކުރުން.
(ކ) "މިނިސްޓަރ" ކަމަށް ބުނެފައި އެވަނީ، އިސްލާމްދީނާގުޅޭ ކަންކަން ހިންގައި ބެލެހެއްޓުމަށް ސަރުކާރުން ކަނޑައަޅާފައިވާ ވުޒާރާގެ ވަޒީރަށެވެ.
(އ) "ފަތުވާ" ކަމަށް ބުނެފައި އެވަނީ، ށަރުއީ ހުކުމަކާ ގުޅޭގޮތުން، އެއަށް ދެވޭ ދީނީ ލަފައަށެވެ.
(ވ) "މަޖިލިސް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ދީނީ ގޮތުން ހިޔާލު ތަފާތުވުން އުފެދޭ ކަންކަމުގައި، ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ދީނީ ފަތުވާ ފޯރުކޮށްދިނުމަށާއި، ފިގްހީ އައު މައްސަލަތަކުގެ ދިރާސާތައްކޮށް، އެކަންކަމާ ގުޅޭ ދީނީ ލަފާ ފޯރުކޮށްދިނުމަށްޓަކައި، އުފައްދަފައިވާ "އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް" އަށެވެ.
3 ވަނަ މާއްދާ - މި ގާނޫނު ބުނެވިދިޔަ ގާނޫނަށް އިތުރުކުރާ މާއްދާތަކާ ގުޅިގެން އެ ގާނޫނުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.
4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ވަކި މާއްދާއަކަސް ނުވަތަ ވަކި މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަން، މި ގާނޫނުން ގެންނަ އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން.
5 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
މައި ގާނޫނު
ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 1994-06)
ކޮންސޮލިޑޭޓެޑް ގާނޫނު
ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 1994-06)
ކިޔުންތެރިންގެ ހިޔާލު