-

ސިޓިޒަންށިޕް ގާނޫނު (ގާނޫނު ނަންބަރު 1969-4ޖ) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2016-10)

 

ގާނޫނު ނަންބަރު 1969-4ޖ. (ދިވެހިރާއްޖޭގެ ސިޓިޒެންށިޕް ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ -ބުނެވިދިޔަ ގާނޫނުގެ 1 ވަނަ މާއްދާއަށް އަންނަނިވި ގޮތަށް އަރިމަތީ ސުރުހީއެއް އިތުރުކުރުން.

1. ނަން

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 2 ވަނަ މާއްދާއަށް އަންނަނިވި ގޮތަށް އަރިމަތީ ސަރުހީއެއް އިތުރުކުރުން.

2. ދިވެހިރައްޔިތުކަން ހޯދުމަށް އެދޭ ބިދޭސީން  

 

3.  ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 2 ވަނަ މާއްދާގެ ފެށޭ އިބާރާތަކީ އެ މާއްދާގެ (ހ) ކަމުގައި ހަމަޖެއްސުން

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 2 ވަނަ މާއްދާގެ (ހ) އިން ފެށިގެން (އ) ގެ ނިޔަލަށް ހުރި އަކުރުތަކަކީ އެ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (8) ވަނަ ނަންބަރު ކަމުގައި ހަމަޖެއްސުން.

 

5 ވަނަ މާއްދާ -   ބުނެވިދިޔަ ގާނޫނުގެ 2 ވަނަ މާއްދާގެ (އ) ގެ ފަހަތުގައިވާ ޕެރެގްރާފަކީ އެ މާއްދާގެ (ށ) ގެ ގޮތުގައި ހަމަޖެއްސުން.

 

6.  ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 2 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާތައް އިތުރުކުރުން.

3. ދިވެހިރައްޔިތުކަން ދޫކޮށްލުން 

އަންނަނިވި ށަރުތުތައް ފުރިހަމަވާ ކޮންމެ ދިވެހިރައްޔިތަކަށް، މި ގާނުނުގައިވާ ގޮތުގެމަތިން ދިވެހިރައްޔިތުކަން ދޫކޮށްލެވިދާނެއެވެ.

(ހ) އުމުރުން 18 (އަށާރަ) އަހަރު ވެފައިވުން؛

(ށ) ދިވެހިރައްޔިތުކަން ދޫކޮށްލުމުގެ ނަތީޖާ އެނގޭ މީހެއް ކަމުގައިވުން؛

(ނ) އެހެން ގައުމެއްގެ ރައްޔިތުކަން ލިބިފައިވުން ނުވަތަ އެހެން ގައުމެއްގެ ރައްޔިތުކަން ލިބޭނެކަމުގެ ޔަގީންކަން ލިބިފައިވާ ފަރާތަކަށްވުން.

 

4. 18 އަހަރު ނުފުރޭ ކުދިންނާގުޅޭ ހާއްސަ އުސޫލު

(ހ) މި ގާނޫނުގެ 3 ވަނަ މާއްދާގެ ދަށުން ދިވެހިރައްޔިތުކަން ދޫކޮށްލާ މީހެއްގެ 12 (ބާރަ) އަހަރު ނުފުރޭ ދަރިއެއް ދިވެހިރައްޔިތުކަން ދޫކޮށްލަން އެދޭނަމަ، އެކުއްޖެއްގެ ދިވެހިރައްޔިތުކަން ދޫކޮށްލެވޭނީ އަންނަނިވި ށަރުތުތައް ފުރިހަމަވުމުންނެވެ.

  1. ކުއްޖާގެ މަންމައާއި ބައްޕައާ ދެމީހުންނަކީ ދިވެހިރައްޔިތުން ކަމުގައިވެފައި، މި ގާނޫނުގެ ދަށުން ދިވެހިރައްޔިތުކަން ދޫކޮށްލަން އެދެނީ އޭގެ ތެރެއިން އެކަކު ކަމުގައިވާ ހާލަތުގައި، ކުއްޖާގެ ދިވެހިރައްޔިތުކަން ދޫކޮށްލުމަށް އަނެއް ބެލެނިވެރިޔާގެ ރުހުން ލިބިފައިވުން؛ އަދި
  2. ކުއްޖާއަށް އެހެން ގައުމެއްގެ ރައްޔިތުކަން ލިބފައިވުން ނުވަތަ އެހެން ގައުމެއްގެ ރައްޔިތުކަން ލިބޭނެކަމުގެ ޔަގީންކަން ލިބިފައިވުން.

 

(ށ) މި ގާނޫނުގެ 3 ވަނަ މާއްދާގެ ދަށުން ދިވެހިރައްޔިތުކަން ދޫކޮށްލާ މީހެއްގެ 12 (ބާރަ) އަހަރާއި 18 (އަށާރަ) އަހަރާ ދެމެދުގެ ދަރިއެއް ދިވެހިރައްޔިތުކަން ދޫކޮށްލަން އެދޭނަމަ، އެކުއްޖެއްގެ ދިވެހިރައްޔިތުކަން ދޫކޮށްލެވޭނީ މި މާއްދާގެ (ހ) ގައި ބަޔާންކުރާ ށާރުތުތަކުގެ އިތުރުން، ދިވެހިރައްޔިތުކަން ދޫކޮށްލުމާމެދު އެކުއްޖާގެ އިއުތިރާޒެއް ނެތް ކަމުގައިވާނަމައެވެ.

 

5. ދިވެހިރައްޔިތުކަން ދޫކޮށްލަން އެދި ހުށަހެޅުން  

(ހ) މި ގާނޫނުގެ ދަށުން ދިވެހިރައްޔިތުކަން ދޫކޮށްލުމަށް އެދި ހުށަހަޅާނީ، އަންނަނިވި ތަކެއްޗާއެކު މިނިސްޓަރަށެވެ.

  1. ދިވެހިރައްޔިތުކަން ދޫކޮށްލުމަށް އެދި ހުށަހަޅާ ފޯމު؛
  2. އޭނާއަށް ދޫކޮށްފައިވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ؛
  3. އޭނާއަށް ދޫކޮށްފައިވާ ދިވެހި ޕާސްޕޯޓުގެ ކޮޕީ؛
  4. އޭނާގެ މިލްކުވެރިކަމުގައި ދިވެހިރާއްޖޭގެ ސަރަހައްދުގައި ހިމެނޭ އެއްވެސް ބިމެއްވާނަމަ، އެ ބިމަކާގުޅޭ މައުލޫމާތާއި، އެ ބިން ދޫކޮށްލުމަށް އެދޭ ގޮތާއި، ބިން ބަދަލުކުރުމަށް ގަސްދުކުރާ ފަރާތުގެ މައުލޫމާތު؛
  5. މި ގާނޫނުގެ 4 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ހުށަހެޅުމެއްނަމަ، އެ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ރުހުން އޮތްކަން އަންގައިދޭ ލިޔުމާއި، އެ މާއްދާގެ (ށ) ގައި ބަޔާންކުރާ އިއުތިރާޒެއް ނެތްކަމުގެ ލިޔުން؛
  6. މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އިތުރު މައުލޫމާތާއި ތަކެތި.

(ށ) އަންނަނިވި ހާލަތްތަކުގައި، ދިވެހިރައްޔިތުކަން ދޫކޮށްލުމަށް އެދި މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމެއް ބަލައިނުގަތުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

  1.  ދިވެހިރައްޔިތުކަން ދޫކުރުމަށް ބޭނުންވާ ފަރާތް ދިވެހިރާއްޖޭގައި ދިރިއުޅެމުން ދިއުން؛
  2. ދިވެހިރާއްޖެ ހަނގުރާމައިގެ ހާލަތެއްގައިވުން؛
  3. ދިވެހިރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރެވިފައިވުން.

(ނ) މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރަށް ލިބޭ ހުށަހެޅުމުގައި މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ކަންކަން ފުރިހަމަވާނަމަ، އެ ހުށަހެޅުން ނިސްބަތްވާ ފަރާތުން އަންނަނިވި އިގްރާރުތަކުގައި މިނިސްޓަރު ނުވަތަ މިނިސްޓަރު ކަނޑައަޅާ ފަރާތެއްގެ ހާޒިރުގައި ސޮއިކުރަންވާނެއެވެ.

  1.  ދިވެހިރައްޔިތުކަން ދޫކޮށްލުމުގެ އިގްރާރު؛
  2. މި ގާނޫނުގެ 7 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތުގައި ބިން ދޫކޮށްލުމުގެ އިގްރާރު.

(ރ) މި ގާނޫނުގެ 4 ވަނަ މާއްދާގެ ދަށުން ދިވެހިރައްޔިތުކަން ދޫކޮށްލާ 18 (އަށާރަ) އަހަރު ނުފުރޭ ކުއްޖާގެ ދިވެހިރައްޔިތުކަން ދޫކޮށްލުމުގެ އިގްރާރުގައި، އެ މާއްދާގެ ދަށުން އެކަމަށް އެދޭ ފަރާތުން ސޮއިކުރަންވާނީ، ކުއްޖާގެ ހާޒިރުގައެވެ.

(ބ) މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައިވާ ދިވެހިރައްޔިތުކަން ދޫކޮށްލުމުގެ އިގްރާރުގައި ސޮއިކުރުމާއެކު، އޭނާއަށް ދޫކޮށްފައިވާ ދިވެހިރައްޔިތުކަން އަންގައިދޭ ކާޑާއި އޭނާއަށް ދޫކޮށްފައިވާ ދިވެހި ޕާސްޕޯޓު މިނިސްޓަރާ ނުވަތަ މިނިސްޓަރު ކަނޑައަޅާ ފަރާތަކާ ހަވާލުކުރަންވާނެއެވެ. އަދި ދިވެހިރައްޔިތުކަން ދޫކޮށްލިކަމުގެ ލިޔުމެއް އޭނާއަށް މިނިސްޓަރު ނުވަތަ މިނިސްޓަރު ކަނޑައަޅާ ފަރާތަކުން ދޫކުރަންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކުރާ ދިވެހިރައްޔިތުކަން ދޫކޮށްލުމުގެ ލިޔުން ދޫކުރާ ތާރީހުން ފެށިގެން އެމީހަކީ ދިވެހިރައްޔިތަކު ކަމުގައި ނުބެލެވޭނެއެވެ.

(ކ) މި މާއްދާގެ (ޅ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، މި ގާނޫނުގެ ދަށުން ދިވެހިރައްޔިތުކަން ދޫކޮށްލާ ފަރާތަކަށް، ދިވެހިރައްޔިތުކަން ދޫކޮށްލުމަށްފަހު 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އެހެން ގައުމެއްގެ ރައްޔިތުކަން ނުލިބިއްޖެނަމަ، އޭނާޢަކީ ދިވެހިރައްޔިތުކަން ދޫކޮށްލާފައިވާ މީހެއް ކަމުގައެއް ނުބެލެވޭނެއެވެ.

(އ) މި މާއްދާގެ (ކ) ގައި ބަޔާންކުރާ ހާލަތުގައި، މި މާއްދާގެ (ނ) ގެ ދަށުން ސޮއިކޮށްފައިވާ ދިވެހިރައްޔިތުކަން ދޫކޮށްލުމުގެ އިގްރާރާއި ބިން ދޫކޮށްލުމުގެ އިގްރާރު ބާތިލުވާނެއެވެ.

(ވ) މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރަށް ހުށަހެޅުމަށް ހުށަހެޅުމުގައި އަމަލުކުރާނެ އުސޫލާއި، ދިވެހިރައްޔިތުކަން ދޫކޮށްލާކަމުގެ އިގްރާރު އޮންނަންވާނެގޮތް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

6. ދިވެހިރައްޔިތުކަން ދޫކޮށްލުމުގެ ނަތީޖާ   

(ހ) ދިވެހިރައްޔިތުކަން ދޫކޮށްލައިފިނަމަ، ދިވެހިރައްޔިތަކަށްވީތީ ލިބިދޭ އެންމެހައި ހައްގުތަކާއި އިމްތިޔާޒުތަކާއި އިނާޔަތްތަކެއް އެމީހަކަށް ގެއްލިގެންދާނެއެވެ. އޭގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

  1.  ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ އެނޫންވެސް ދިވެހިރައްޔިތެއްކަން އަންގައިދޭ ލިޔުމެއް ގެންގުޅުމުގެ ހައްގު؛
  2. ދިވެހި ޕާސްޕޯޓެއްގައި ދުތުރުފަތުރުކުރުމުގެ ހައްގު؛
  3. އިތުރު ހުއްދައެއް ހޯދުމަކާނުލައި ދިވެހިރާއްޖެއަށް އެތެރެވުމުގެ ހައްގު؛
  4. ދިވެހިރާއްޖޭގައި ބާއްވާ އެއްވެސް އިންތިހާބެއްގައި ވޯޓުލުމުގެ ހައްގު އަދި އެއްވެސް އިންތިހާބަކަށް ކުރިމަތިލުމުގެ ހައްގު؛
  5. ދިވެހިރާއްޖޭގެ ސަރަހައްދުން އެއްވެސް ބިމެއް މިލްކުވެފައިވާނަމަ، އެ ބިމުގެ މިލްކުވެރިކަމުގެ ހައްގާއި، ދިވެހިރާއްޖޭގެ ސަރަހައްދުން އޭނާއަށް މިލްކުވެރިކަން ލިބެން އޮތް ބިމަކާ ގުޅޭގޮތުން އޭނާއަށް ލިބިފައިވާ ހައްގުތައް؛
  6. ގާނޫނުއަސާސީންނާއި ގާނޫނުން ދިވެހިރައްޔިތުންނަށް ލިބިދޭ އެނޫންވެސް ހައްގުތަކާއި އިމްތިޔާޒުތަކާއި އިނާޔަތްތައް ލިބުމުގެ ހައްގު.

(ށ) މި ގާނޫނުގެ ދަށުން އެއްވެސް ފަރާތަކުން ދިވެހިރައްޔިތުކަން ދޫކޮށްލި ކަމުގައިވީނަމަވެސް، ދިވެހިރައްޔިތުކަން ދޫކޮށްލުމުގެ ކުރިން އޭނާ އުފުލަންގެހިފައިވާ ގާނޫނީ އަދި މަދަނީ އިލްތިޒާމުތައް އަދާކުރުމަކުން އޭނާ ބަރީއައެއް ނުވާނެއެވެ.

 

7. ދިވެހިރައްޔިތުކަން ދޫކޮށްލާ މީހާގެ މިލްކުވެރިކަމުގައިވާ ބިން ދޫކޮށްލުން

(ހ) މި ގާނޫނުގެ ދަށުން ދިވެހިރައްޔިތުކަން ދޫކޮށްލަން އެދޭ މީހެއްގެ މިލްކުވެރިކަމުގައި ދިވެހިރާއްޖޭގެ ސަރަހައްދުގައި ހިމެނޭ އެއްވެސް ބިމެއްވާނަމަ، އޭނާގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިން، ގާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) އާ އެއްގޮތްވާ ގޮތުގެމަތިން އެހެން ފަރާތަކަށް ހިބައިން ދިނުމަށް ނުވަތަ ވިއްކާލުމަށް އެއްބަސްވެ، މި ގާނޫނުގެ 5 ވަނަ މާއްދާގެ (ނ) ގެ 2 ވަނަ ނަންބަރުގައި ބަޔާންކުރާ ބިން ދޫކޮށްލުމުގެ އިގްރާރުގައި ސޮއިކުރަންވާނެއެވެ.

(ށ) މި ގާނޫނުގެ 5 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ ދިވެހިރައްޔިތުކަން ދޫކޮށްލިކަމުގެ ލިޔުން ދޫކުރާ ހިނދުން ފެށިގެން، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ބިމުގެ މިލްކުވެރިކަން އޭނާ ދޫކޮށްލީ ކަމުގައި ބެލެވޭނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، މި މާއްދާގެ (ހ) ގެ ދަށުން ބިމެއް ދޫކޮށްލުމުން، އެ ބިން ލިބޭނެ ކަމަށް އިގްރާރުގައި ބަޔާންކޮށްފައިވާ ފަރާތުން ބިން ލިބޭނީ، އެ ބިން ދޫކޮށްލާ ފަރާތަށް އެހެން ގައުމެއްގެ ރައްޔިތުކަން ލިބުމަށްފަހު، ށަރީޢަތް މދުވެރިކޮށް އެ ބިމުގެ މިލްކުވެރިކަން އެފަރާތަށް ބަދަލުކުރުމުންނެވެ.

(ރ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ދިވެހިރައްޔިތުކަން ދޫކޮށްލާ ފަރާތަކަށް، މި ގާނޫނުގެ 5 ވަނަ މައްދާގެ (ކ) ގައި ބަޔާންކުރާ ފަދައިން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އެހެން ގައުމެއްގެ ރައްޔިތުކަން ނުލިބިއްޖެނަމަ، މި މާއްދާގެ ދަށުން އެފަރާތުން ބިން ދޫކޮށްލި ދޫކޮށްލުން ބާތިލުވާނެއެވެ. އަދި ބިން ލިބޭނެ ކަމަށް ބިން ދޫކޮށްލުމުގެ އިގްރާރުގައި ބަޔާންކޮށްފައިވާ ފަރާތަށް އެ ބިމާ ގުޅޭ އެއްވެސް ހައްގެއް ނުލިބޭނެއެވެ.

 

8. ގަވާއިދު ހެދުން   

(ހ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒްވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

9. މާނަކުރުން  

މި ގާނޫނުގައި އިބާރާތެއް ނުވަތަ ލަފްޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދެހަނުވާހާހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފްޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފްޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ދިވެހިރާއްޖޭގައި ދިރިއުޅެމުން ދިއުން" ކަމަށް ބުނެފައި އެވަނީ، ވަގުތީ ގޮތުން އެހެން ތަނެއްގައި އުޅުނު ނަމަވެސް، ދިވެހިރާއްޖެއަށް ޒިޔާރަތް ކުރުމުގެ ގޮތުން ނޫންގޮތަކަށް، ދާއިމީ ގޮތެއްގައި ދިވެހިރާއްޖޭގައި ދިރިއުޅޭ ދިރިއުޅުމަށެވެ.

(ށ) "ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރެވިފައިވުން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 253 ވަނަ މާއްދާގައި ބަޔާންކޮށޤފައިވާ ގޮތުގެމަތިން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރެވިފައިވާ ވުމަށެވެ.

(ނ) "ދިވެހިރައްޔިތެއް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 9 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރާތްތަކަށެވެ.

 

7 ވަނަ މާއްދާ -  މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާތާ 3 (ތިނެއް) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

ސިޓިޒެންށިޕް ގާނޫނު (ގާނޫނު ނަންބަރު 1969-4ޖ)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ސިޓިޒެންށިޕް ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 1969-04) (1ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު