-

ގަސްގަހާގެހި ހިމާޔަތްކުރުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2011-12)

 

1 ވަނަ ބާބު

އިބްތިދާއީ މާއްދާތައް

1 ވަނަ މާއްދާ – ތައާރުފް

މި ގާނޫނަކީ، ގަސްގަހާގެއްސަށް ގެއްލުންދޭ ތަކެތި އުފެދުމާއި ފެތުރުން ހުއްޓުވުމާއި، އެކަށީގެންވާ ފައިޓޯސެނިޓަރީ މިންގަނޑުތައް ކުރިއެރުވުމާއި، ގަސްގަހާގެއްސާއި، ގަހުގެ ބައިތަކުގެ އުފެއްދުންތަކުގެ ވިޔަފާރިއަށް މަގުފަހިކުރުމާއި، އެއާގުޅޭ އެހެނިހެން ކަންކަމާގުޅޭ އުސޫލުތައް ދިވެހިރާއްޖޭގައި ކަނޑައެޅުމުގެ ގާނޫނެވެ.

 

2 ވަނަ މާއްދާ – ނަން

މި ގާނޫނަށް ކިޔާނީ "ގަސްގަހާގެހި ހިމާޔަތްކުރުމުގެ ގާނޫނު" އެވެ.

 

2 ވަނަ ބާބު

ގާނޫނު ހިންގުން

3 ވަނަ މާއްދާ - ހިންގުމުގެ މަސްއޫލިއްޔަތު

މި ގާނޫނު ހިންގުމުގެ މައިގަނޑު މަސްއޫލިއްޔަތު ހަވާލުވެގެންވާ ފަރާތަކީ މިނިސްޓަރެވެ.

 

4 ވަނަ މާއްދާ - މިނިސްޓަރުގެ މަސައްކަތްތައް

(ހ) ނޭށަނަލް ޕްލާންޓް ޕްރޮޓެކްށަން އޯގަނައިޒޭށަން (އެން.ޕީ.ޕީ.އޯ)  ގެ ނަމުގައި، ސަރުކާރުގެ އިދާރާއެއް ކަނޑައަޅައި ނުވަތަ ގާއިމުކޮށް، އަދި އެ އިދާރާގެ ނަން، އިންޓަރނޭށަނަލް ޕްލާންޓް ޕްރޮޓެކްށަން ކޮންވެންށަން (އައި.ޕީ.ޕީ.ސީ)  ގެ ސެކްރެޓޭރިއެޓަށް މިނިސްޓަރު އަންގަންވާނެއެވެ.

(ށ) މިނިސްޓަރުގެ މަސްއޫލިއްޔަތުތަކަކީ:

  1. އެން.ޕީ.ޕީ.އޯ ގެ އިދާރާގެ އޮނިގަނޑާއި، އިދާރީ ހިންގުމުގެ އޮނިގަނޑު ފާސްކުރުން؛
  2. ދިވެހިރާއްޖެއަށް ތަކެތި އެތެރެކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ކަނޑައަޅާ ބަނދަރުތަކުގެ ތެރެއިން، ގަސްގަހާގެއްސާއި، ގަހުގެ ބައިތަކުގެ އުފެއްދުންތަކާއި، ރެގިއުލޭޓްކުރެވޭ ތަކެތި އެތެރެކުރުމާއި ބޭރުކުރުމަށް ހުއްދަކުރެވޭ ބަނދަރުތައް ކަނޑައެޅުން؛
  3. ކަރަންޓީންކުރާ ސްޓޭށަންތައް ކަނޑައެޅުމާއި، ކޮންމެ ކަނޑައެޅިފައިވާ ބަނދަރެއްގައި އެކަށީގެންވާ ކަރަންޓީން ސްޓޭށަންތައް ގާއިމުކުރެވިފައިވޭތޯ ޔަގީންކުރުން؛
  4. އެން.ޕީ.ޕީ.އޯ ގެ އިސްވެރިޔާ ކަނޑައެޅުން؛
  5. މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި، ލިޔެވިފައިވާ އިޖުރާއަތުތައް ފާސްކުރުން؛
  6. މި ގާނޫނުގެ ދަށުން ދައްކަންޖެހޭ ފީތަކުގެ މިންވަރު ކަނޑައެޅުން.

 

5 ވަނަ މާއްދާ - ނޭށަނަލް ޕްލާންޓް ޕްރޮޓެކްށަން އޯގަނައިޒޭށަންގެ މަސައްކަތްތައް

އެން.ޕީ.ޕީ.އޯ އިން ތިރީގައިވާ މަސައްކަތްތައް ކުރަންވާނެއެވެ.

(ހ) އައި.ޕީ.ޕީ.ސީ އާ މުއާމަލާތްކުރާ ފަރާތުގެ ގޮތުގައި ހަރަކާތްތެރިވުން؛

(ށ) ބޭނުންވެއްޖެ ހިނދެއްގައި، ޕްރޮވިށަނަލް މިންގަނޑުތަކާއި، ކަރަންޓީންކުރުމުގެ އަމުރާއި، ބަލާފާސްކުރުމާއި ޓެސްޓުކުރުން ހިމެނޭގޮތުން، ފައިޓޯސެނިޓަރީ މިންގަނޑުތައް ފާސްކޮށް ތަންފީޒުކުރުން؛

(ނ) ގަސްގަހާގެއްސާއި، ގަހުގެ ބައިތަކުގެ އުފެއްދުންތަކާއި، ރެގިއުލޭޓްކުރެވޭ ތަކެތި އެތެރެކުރުމުގެ ށަރުތެއްގެ ގޮތުގައި ފައިޓޯސެނިޓަރީ މިންގަނޑުތައް ފުރިހަމަކުރުމަށް ލާޒިމުކުރުން؛

(ރ) ކަރަންޓީންކުރާ ޕެސްޓްގެ ލިސްޓަކާއި، ރެގިއުލޭޓްކުރެވޭ ތަކެތީގެ ލިސްޓަކާއި، ގައުމީގޮތުން ކަންބޮޑުވާ ޕެސްޓްގެ ލިސްޓަކާއި، އެތަކެތި އިމްޕޯޓްކުރުމުގެ ށަރުތުތައް އެކުލަވާލައި އައުކުރަމުން ގެންދިޔުން؛

(ބ) އެކްސްޕޯޓްކުރުމަށާއި، ރީއެކްސްޕޯޓްކުރުމަށް ތައްޔާރުކުރެވޭ ކޮންސައިންމަންޓްތަކަށް، އެތަކެތި އިމްޕޯޓްކުރެވޭ ގައުމުތަކުން ކަނޑައަޅާ ށަރުތުތަކާ އެއްގޮތްވާ ގޮތުގެމަތިން ފައިޓޯސެނިޓަރީ ސެޓްފިކެޓް ދޫކުރުން؛

(ޅ) ދިވެހިރާއްޖެއަށް އިމްޕޯޓްކުރުމަށް ތައްޔާރުކުރެވޭ ކޮންސައިންމަންޓްތަކަށް އިމްޕޯޓްކުރުމުގެ ހުއްދަ ދޫކުރުން؛

(ކ) ޕެސްޓް ހުރިކަމާއި، ފެތުރުން ރިޕޯޓުކުރުމާއި، އެ ޕެސްޓް ކޮންޓްރޯލްކުރުމުގެ މައިގަނޑު މަގްސަދުގައި، ހެދެމުންދާ ގަސްގަހާގެއްސާއި (ދަނޑުހައްދާ ސަރަހައްދުތަކާއި، ނަރސަރީތަކާއި، ބަގީޗާތަކާއި، ގްރީންހައުސްތަކާއި، ލެބޯޓްރީތައް ހިމެނޭގޮތުން) ، ވަލުގައި ހެދޭ ގަސްގަހާގެއްސާއި، ރައްކާކޮށް ބެހެއްޓިފައި ހުންނަ ނުވަތަ އެއްތަނުން އަނެއްތަނަށް ގެންދެވޭ ގަހުގެ ބައިތަކުގެ އުފެއްދުންތައް ބަލާފާސްކުރުން؛

(އ) ޕެސްޓްގެ ނުރައްކާތެރިކަން ވަޒަންކުރުމާއި، އަދި އެކަށީގެންވާ ފައިޓޯސެނިޓަރީ މިންގަނޑުތައް ގާއިމުކުރުމަށް ބޭނުންވާ ދިރާސާ ހެދުން؛

(ވ) ފައިޓޯސެނިޓަރީ ނުރައްކާ ފޯރާފައިވާ ސަރަހައްދުތައް ހިމާޔަތްކުރުމަށްޓަކައި ފައިޓޯސެނިޓަރީ މިންގަނޑުތައް ހިފެހެއްޓުމާއި، އަދި ޕެސްޓް ނެތް ސަރަހައްދުތަކާއި، މަދުން ޕެސްޓް އުޅޭ ސަރަހައްދުތައް ކަނޑައަޅައި، ބަލަހައްޓައި، ސަރވޭކުރުން؛

(މ) ރެގިއުލޭޓްކުރެވޭ ޕެސްޓް އުފެދުމާއި، ފެތުރުން މަދުކުރުމަށްޓަކައި، ގަސްގަހާގެއްސާއި ގަހުގެ ބައިތަކުގެ އުފެއްދުންތަކުގެ ކޮންސައިންމަންޓްތައް ބަލާފާސްކޮށް، އަދި ބަލާފާސްކުރިކަމުގެ ރިޕޯޓު ދޫކުރުން؛

(ފ) ބަޔޮލޮޖިކަލް ކޮންޓްރޯލް އޭޖެންޓްތައް ދިވެހިރާއްޖޭގައި ދައުރުވާގޮތް، ރާއްޖެއިން ބޭރުވާގޮތް، ނުވަތަ ރާއްޖެއަށް އެތެރެވާގޮތް މޮނިޓަރކުރުން؛

(ދ) ޕެސްޓް އުފެދުމާއި ފެތުރުނަ ނުދިނުމަށްޓަކައި، ދިވެހިރާއްޖެއަށް އެތެރެކުރެވޭ އަދި ދިވެހިރާއްޖެއިން ބޭރުކުރެވޭ ގަސްގަހާގެއްސާއި، ގަހުގެ ބައިތަކުގެ އުފެއްދުންތަކާއި، ރެގިއުލޭޓްކުރެވޭ ތަކެތީގެ ކޮންސައިންމަންޓްތަކާއި، އެފަދަ ތަކެތި ރައްކާކުރާ ތަންތަނާއި އެހެނިހެން އިމާރާތާއި ގޯތިން ޖަރާސީމު ނައްތާލުން؛

(ތ) ކޮންސައިންމަންޓްތައް އެކުލެވިފައިވާގޮތާއި، އަންނަ ބަދަލުތަކާއި އަދި އަލުން ޕެސްޓް އަށަގަތަނުދިނުމާ ގުޅޭގޮތުން ކޮންސައިންމަންޓްތަކަށް ސެޓްފިކެޓް ދޫކުރުމަށްފަހު އެކްސްޕޯޓްކުރުމާ ހަމައަށް، އެކަމަށް އެކަށޭނަ އިޖުރާއަތުތައް މެދުވެރިކޮށް، ކޮންސައިންމަންޓްތަކުގެ ފައިޓޯސެނިޓަރީ ރައްކާތެރިކަން ދެމެހެއްޓޭކަން ޔަގީންކުރުން؛

(ލ) ރެގިއުލޭޓްކުރެވޭ ޕެސްޓާބެހޭ މައުލޫމާތާއި، އެތަކެތި ހުއްޓުވައި ކޮންޓްރޯލްކުރެވޭ ގޮތްތަކާބެހޭ މައުލޫމާތު ފެތުރުން;

(ގ) ކަރަންޓީންކުރެވޭ ސަރަހައްދުތަކާއި، ޕެސްޓް ނެތް ސަރަހައްދުތަކާއި، މަދުން ޕެސްޓް އުޅޭ ސަރަހައްދުތަކާއި، ޕެސްޓްގެ ނުރައްކާ ފޯރާފައިވާ ސަރަހައްދުތަކުގެ ގޮތުގައި އެކި ސަރަހައްދުތައް ކަނޑައެޅުމާއި، އަދި އެގޮތުން ކަނޑައެޅޭ ކަނޑައެޅުން ބާތިލުކުރުން؛

(ޏ) ބޭނުންތެރިކަމަށް ފެނިއްޖެ ހިނދެއްގައި، ޕެސްޓަށް ތަހުލީލުކުރުމާއި، ތަހުގީގުކުރުމާއި، ދިރާސާކުރުމުގެ ގާބިލުކަން އިތުރުކުރުމާއި، ބޭނުންވާގޮތެއްގެމަތިން އެކި ތަންތަނުގައި ލެބޯޓްރީތަކާއި، ކަރަންޓީންކުރެވޭ ސްޓޭށަންތައް ގާއިމުކުރުން؛

(ސ) އަޅާފައިވާ ފައިޓޯސެނިޓަރީ ފިޔަވަޅުތައް އެއީ، ކަމާބެހޭ ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ނުވަތަ ޕެސްޓްގެ ނުރައްކާތެރިކަމުގެ ދިރާސާއަށް ބަލައިގެން އެޅިފައިވާ ފިޔަވަޅުތަކެއްކަން އެހެން ގައުމުތަކަށް އަންގައި ސަބަބު ބަޔާންކުރުން؛

(ޑ) ފައިޓޯސެނިޓަރީ އިމްޕޯޓް ށަރުތުތަކާ އެއްގޮތަށް އަމަލުނުކުރާ ހާލަތްތައް ވިޔަފާރީގެ ބައިވެރިންނަށް އެންގުން؛

(ޒ) ފައިޓޯސެނިޓަރީ މަސްއޫލިއްޔަތުތައް ތަންފީޒުކުރުމުގައި ހަރަކާތްތެރިވާ، ކަރަންޓީންކުރާ ސްޓޭށަންތައް، ދިރާސާކުރާ ރަސްމީ ފަރާތްތައް، ރަސްމީ ލެބޯޓަރީ ނުވަތަ އެނޫންވެސް ސަރުކާރު ނުވަތަ އަމިއްލަ ފަރާތެއް ނުވަތަ މުއައްސަސާއެއް އެކްރެޑިޓްކުރުމުގެ އިޖުރާއަތުތައް ގާއިމުކުރުން؛

(ޓ) ފައިޓޯސެނިޓަރީ ސެޓްފިކެޓްތަކާއި، ފައިޓޯސެނިޓަރީ އިމްޕޯޓް ހުއްދަތަކާއި، ފައިޓޯސެނިޓަރީ ބަލާފާސްކުރުންތަކާއި، ސަރވޭލަންސް އަދި ހޯދުންތަކުން ލިބޭ މައުލޫމާތާއި، އަދި މި ގާނޫނާ ގުޅުންހުރި އެހެނިހެން ފައިޓޯސެނިޓަރީ މައުލޫމާތުތައް ހިމެނޭ ރަޖިސްޓަރީއެއް ގާއިމުކޮށް ބެލެހެއްޓުން؛

(ޔ) ފައިޓޯސެނިޓަރީ އިންސްޕެކްޓަރުންނާއި، އެން.ޕީ.ޕީ.އޯ ގެ އެނޫން މުވައްޒަފުން ކުރިއެރުވުމާއި ތަމްރީނުކުރުން؛

(ޕ) އައި.ޕީ.ޕީ.ސީ އާއި އަދި އެހެނިހެން ގަސްގަހާގެހި ހިމާޔަތްކުރުމާބެހޭ ސަރަހައްދީ ނުވަތަ ގައުމީ އިދާރާތަކާ މުއާމަލާތްކުރުމާއި އެތަންތަނަށް ރިޕޯޓުކުރުމާއި، އަދި ފައިޓޯސެނިޓަރީ ކަންކަމާގުޅޭގޮތުން އެހެން ގައުމަކާއެކު ބޭއްވޭ ފޯރަމްތަކުގައާއި، ސަރަހައްދީ އަދި ބައިނަލްއަގްވާމީ ފޯރަމްތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރުން؛

(ޖ) މި ގާނޫނު ހިންގުމާއި، މި ގާނޫނުގެ މަގްސަދުތައް ހާސިލްކުރުމަށްޓަކައި ބޭނުންކަމަށް ފެނިގެން މިނިސްޓަރު ހަވާލުކުރާ އެހެނިހެން މަސައްކަތް ކުރުން.

 

6 ވަނަ މާއްދާ - އެން.ޕީ.ޕީ.އޯ ގެ އިސްވެރިޔާ

(ހ) ދިވެހި ސިވިލް ސަރވިސްގެ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން، އެން.ޕީ.ޕީ.އޯ ގެ އިސްވެރިޔާ، މިނިސްޓަރު ކަނޑައަޅަންވާނެއެވެ.

(ށ) މި ގާނޫނުގައި އެން.ޕީ.ޕީ.އޯ އިން ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތްތައް ކުރުމަކީ، އެން.ޕީ.ޕީ.އޯ ގެ އިސްވެރިޔާގެ މަސްއޫލިއްޔަތެކެވެ.

(ނ) ފަންނީ ގާބިލުކަމާއި، މަސްލަހަތު ފުށުއެރުމުގެ އުސޫލުތަކާއި، އެން.ޕީ.ޕީ.އޯ ގެ އިސްވެރިޔާގެ މަސައްކަތްތައް ގަވާއިދުގައި ތަފްސީލުކުރަންވާނެއެވެ.

 

7 ވަނަ މާއްދާ - ގަސްގަހާގެހި ހިމާޔަތްކުރުމާބެހޭ ގޮތުން ލަފާދޭ ބޯޑު

(ހ) ގަސްގަހާގެހި ހިމާޔަތްކުރުމާ ގުޅޭގޮތުން މިނިސްޓަރަށާއި އެން.ޕީ.ޕީ.އޯ އަށް ލަފާދިނުމަށާއި، ގުޅިގެން މަސައްކަތްކުރުން ރަނގަޅުކުރުމަށް އަޅާނެ ފިޔަވަޅުތައް ހުށަހެޅުމަށްޓަކައި، ގަސްގަހާގެހި ހިމާޔަތްކުރުމާބެހޭގޮތުން ލަފާދޭ ބޯޑު (ބޯޑު)  ގާއިމުކުރެވުނީއެވެ.

(ށ) ބޯޑު އެކުލެވިގެންވަނީ ގާނޫނީގޮތުން ފައިޓޯސެނިޓަރީ ރައްކާތެރިކަމާގުޅޭ މަސައްކަތްތައް ހަވާލުވެފައިވާ މިނިސްޓްރީތަކާއި ސަރުކާރުގެ އިދާރާތައް ތަމްސީލުކުރާ ފަރާތްތަކުގެ މައްޗަށެވެ.

(ނ)  ބޯޑުގައި ތަމްސީލުވާ އިދާރާތަކުން، ފައިޓޯސެނިޓަރީ މިންގަނޑުތަކާގުޅޭ މަސައްކަތްކުރާ ނުވަތަ އެކަމަށް ށައުގުވެރިކަން ހުންނަ ފަންނީ އޮފިސަރުން ބޯޑުގެ މެންބަރުންގެ ގޮތުގައި ކަނޑައަޅަންވާނެއެވެ.

(ރ) މި ގާނޫނުގައިވާ ކަންކަމުގެ އިތުރުން، ބޯޑު އެކުލެވިގެންވާގޮތާއި، ބޯޑުގެ ހިންގުމުގެ އިޖުރާއަތުތައް ފާސްކުރާނީ ގަވާއިދެއްގެ ދަށުންނެވެ.

 

3 ވަނަ ބާބު

ފައިޓޯސެނިޓަރީ އިންސްޕެކްޓަރުން

8 ވަނަ މާއްދާ - ފައިޓޯސެނިޓަރީ އިންސްޕެކްޓަރުން ކަނޑައެޅުން

(ހ) މި ގާނޫނުގެ ދަށުން ހަވާލުކުރެވިފައިވާ މަސައްކަތްތައް ކުރުމަށްޓަކައި، ފައިޓޯސެނިޓަރީ އޮފިސަރުންނާއި ފައިޓޯސެނިޓަރީ އިންސްޕެކްޓަރުން، ދިވެހި ސިވިލް ސަރވިސްގެ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓަރު ކަނޑައަޅަންވާނެއެވެ.

(ށ) އެހެން އޮތޯރިޓީތަކާ ގުޅިގެން އެން.ޕީ.ޕީ.އޯ ގެ އޮފިސަރުން ނޫން އެހެން ފަރާތްތަކާ ފައިޓޯސެނިޓަރީ މަސައްކަތްތައް މިނިސްޓަރަށް ހަވާލުކުރެވިދާނެއެވެ. ފައިޓޯސެނިޓަރީ ސެޓްފިކެޓް ދޫކުރުން ފިޔަވައި އެން.ޕީ.ޕީ.އޯ ގެ ބާރުތަކުގެ ތެރޭގައި ހިމެނޭ އެހެން މަސައްކަތްތައް، މިގޮތުން ކަނޑައެޅޭ އޮފިސަރުން ކުރަންވާނެއެވެ. އަދި އެ އޮފިސަރުންނާ ހަވާލުކުރެވޭ މަސައްކަތްތަކާއި، އެމީހުންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ގަވާއިދުގައި ތަފްސީލުކުރަންވާނެއެވެ.

 

9 ވަނަ މާއްދާ - ފައިޓޯސެނިޓަރީ އިންސްޕެކްޓަރުންގެ މަސައްކަތްތައް

ފައިޓޯސެނިޓަރީ އިންސްޕެކްޓަރުންގެ މަސައްކަތްތަކަކީ:

(ހ) ހައްދަމުންދާ ނުވަތަ ރައްކާކުރެވިފައިވާ ގަސްގަހާގެއްސާއި ގަހުގެ ބައިތަކުގެ އުފެއްދުންތަކާއި، ރެގިއުލޭޓްކުރެވޭ ތަކެތި، ރެގިއުލޭޓްކުރެވޭ ޕެސްޓް އުޅޭކަމާއި ފެތުރުން ރިޕޯޓުކުރުމަށްޓަކައި ބަލާފާސްކުރުން؛

(ށ) ރާއްޖެއަށް އިމްޕޯޓްކުރުމަށް ނުވަތަ ރާއްޖެއިން އެކްސްޕޯޓްކުރުމަށް ކަނޑައެޅިފައިވާ ނުވަތަ ރާއްޖޭގައި ޓްރާންސިޓްގައިވާ ގަސްގަހާގެއްސާއި، ގަހުގެ ބައިތަކުގެ އުފެއްދުންތަކާއި، ރެގިއުލޭޓްކުރެވޭ ތަކެތީގެ ކޮންސައިންމަންޓްތަކުގައި ރެގިއުލޭޓްކުރެވޭ ޕެސްޓް އަށަގެންފައިވޭތޯ ކަނޑައެޅުމަށްޓަކައި އަދި ބޭނުންވެއްޖެ ހިނދެއްގައި ކޮންސައިންމަންޓްތަކުގެ ޕެސްޓްގެ ހާލަތު ދެނެގަތުމަށްޓަކައި ސާމްޕަލް ނަގައިގެން ނުވަތަ އެނޫންވެސް ގޮތަކުން ބަލާފާސްކުރުން؛

(ނ) ކޮންސައިންމަންޓްތައް ބަންދުކުރުމަށް ބޭނުންކުރެވޭ ތަކެއްޗާއި، ރައްކާކުރެވޭ ތަންތަނާއި، ކޮންވޭޔަންސްތައް ހިމެނޭގޮތަށް، ރާއްޖެއަށް އިމްޕޯޓްކުރުމަށް ނުވަތަ ރާއްޖެއިން އެކްސްޕޯޓްކުރުމަށް ކަނޑައެޅިފައިވާ ނުވަތަ ރާއްޖޭގައި ޓްރާންސިޓްގައިވާ ގަސްގަހާގެއްސާއި، ގަހުގެ ބައިތަކުގެ އުފެއްދުންތަކާއި، ރެގިއުލޭޓްކުރެވޭ ތަކެތީގެ ކޮންސައިންމަންޓްތަކުން ޕެސްޓް ނައްތާލެވިފައިވާކަން ޔަގީންކުރުން؛

(ރ) ކޮންސައިންމަންޓްތަކަށް ސެޓްފިކެޓް ދޫކުރުމަށްފަހު އެކްސްޕޯޓްކުރުމާ ހަމައަށް، ކޮންސައިންމަންޓްތަކުގެ ފައިޓޯސެނިޓަރީ ރައްކާތެރިކަން ދެމެހެއްޓޭކަން ޔަގީންކުރުން؛

(ބ) ފައިޓޯސެނިޓަރީ ސެޓްފިކެޓް ދޫކުރުން؛

(ޅ) ދިވެހިރާއްޖޭގައި ޕެސްޓްގެ ހާލަތާބެހޭ އެންމެފަހުގެ މައުލޫމާތު ބަލަހައްޓައި ސަރވޭލަންސްކުރުން؛

(ކ) މި ގާނޫނުގެ މާއްދާތަކާ ހިލާފުވެއްޖެކަމަށް ށައްކުވެއްޖެ ހިނދެއްގައި، އިންކުއަރީތައް ހިންގުމާއި، މައުލޫމާތު ނުވަތަ ލިޔެކިޔުންތަކަށް އެދުން؛

(އ) ދިވެހިރާއްޖޭގެ ގަސްގަހާގެހީގެ ވަސީލަތްތަކަށާއި، ގަސްގަހާގެއްސަށާއި، ގަސްގަހާގެހިން ތިމާވެއްޓަށް އެއްވެސް ނުރައްކަލެއް ވިޔަދިނުމަށްޓަކައި، ސޮލިޑް ވޭސްޓް މެނޭޖްމަންޓްގެ ކަންކަން ހަވާލުކުރެވިފައިވާ އިދާރާތަކާ ގުޅިގެން، ބައިލޮޖިކަލް ނުރައްކާތެރިކަން ކުރިމަތިވެދާނެ ކުނި ތިރީގައިވާ ތަންތަނުން ނައްތާލެވޭކަން ޔަގީންކުރުން؛

  1. ރާއްޖެ އަންނަ މަތިންދާ ބޯޓާއި، ކަނޑުބޯޓާއި، ޕްލެށަރ ކްރާފްޓް؛ އަދި
  2. އިމްޕޯޓްކުރެވޭ ގަސްގަހާގެއްސާއި، ގަހުގެ ބައިތަކުގެ އުފެއްދުންތަކާއި އަދި ރެގިއުލޭޓްކުރެވޭ ތަކެތި އުފައްދައި، ދޮވެ، ރައްކާކުރާ އިމާރާތާއި ގޯތި؛

(ވ) ފައިޓޯސެނިޓަރީ ސެޓްފިކެޓް ދޫކުރުމަށާއި، ފައިޓޯސެނިޓަރީ އިމްޕޯޓް ހުއްދަ ދޫކުރުމަށާއި، ބަލާފާސްކުރުމަށާއި، އެނޫންވެސް މި ގާނޫނުގެ ދަށުން ނެގޭ އެހެނިހެން ފީ  ނެގުން؛

(މ) އެން.ޕީ.ޕީ.އޯ އިން އަންގާ އެހެނިހެން ކަންކަން ކުރުން.

 

10 ވަނަ މާއްދާ - ފައިޓޯސެނިޓަރީ އިންސްޕެކްޓަރުންގެ ބާރުތައް

(ހ) ގަސްގަހާގެއްސާއި، ގަހުގެ ބައިތަކުގެ އުފެއްދުންތަކާއި އަދި ރެގިއުލޭޓްކުރެވޭ ތަކެތި ބަލާފާސްކުރުމާއި، އެތަކެތީގެ ސާމްޕަލްނަގައި އެ ސާމްޕަލް ޓެސްޓުކުރުމަށް ފޮނުވުމުގެ ބާރު ފައިޓޯސެނިޓަރީ އިންސްޕެކްޓަރަށް ލިބިގެންވެއެވެ.

(ށ) މި ގާނޫނުގެ ދަށުން ކުށެއްކަމަށް ބަޔާންކުރެވިފައިވާ ކަމެއް ކޮށްފިކަމަށް ނުވަތަ ކުރަނީކަމަށް ނުވަތަ ކުރަން އުޅޭކަމަށް ފައިޓޯސެނިޓަރީ އިންސްޕެކްޓަރަށް ގަބޫލުކުރެވޭފަދަ ސަބަބުތަކެއް ހުރެއްޖެނަމަ، ނުވަތަ މި ގާނޫނާ އެއްގޮތަށް އަމަލުކުރާކަން ޔަގީންކުރުމަށް، ތިރީގައިވާ ކަންކަން އޭނާއަށް ކުރެވިދާނެއެވެ.

  1. މި މާއްދާގެ 4 ވަނަ ނަންބަރާ ހިލާފުނުވާ ގޮތުގެމަތިން، ސަރަހައްދެއްގެ އެއްވެސް ބަޔަކަށް ނުވަތަ އިމާރާތަކަށް ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ވަދެ ބަލާފާސްކުރުމާއި، އަދި ފައިޓޯސެނިޓަރީ އިމްޕޯޓް ހުއްދަ ނުވަތަ ފައިޓޯސެނިޓަރީ ސެޓްފިކެޓް ނުވަތަ
    މި ގާނޫނުގެ ދަށުން ބޭނުންވާ އެހެންވެސް ލިޔުމެއް ދެއްކުމަށް އެއްވެސް ފަރާތަކަށް އެންގުން؛
  2. މި ގާނޫނުގެ ދަށުން އަދަބު ކަނޑައެޅިފައިވާ ކުށެއް ކޮށްފިކަން ގަބޫލުކުރެވޭފަދަ ސަބަބުތަކެއް ހުރެއްޖެނަމަ، ހުއްދަތަކާއި، ސެޓްފިކެޓްތަކާއި، އިންވޮއިސްތަކާއި، ލިޔުންތައް ބަލާފާސްކުރުމާއި، އެތަކެތީގެ ކޮޕީ ހެދުން ނުވަތަ ރަޖިސްޓަރީގެ ނުވަތަ ރިކޯޑްތަކުގެ ބައެއް ނެގުމާއި، އެފަދަ ތަކެތި ހިފެހެއްޓުން؛
  3. ޕެސްޓް ނުވަތަ އެހެނިހެން ރެގިއުލޭޓްކުރެވޭ ތަކެތި ހުރުމުގެ ނުވަތަ ފެތުރުމުގެ ގާބިލުކަން ލިބިފައިވާ ކޮންމެ މީހެއް، ފޮއްޓެއް، ގަސްގަހާގެއްސެއް، ގަހުގެ ބައިތަކުގެ އުފެއްދުމެއް، ރައްކާކުރާ ތަނެއް، ބަންދުކުރެވޭ ތަކެތި، އުފުލޭ ތަކެތި، ކޮންޓެއިނަރު، ފަސް އަދި އެހެންވެސް ދިރޭ އެއްޗެއް، އޮބްޖެކްޓެއް ނުވަތަ މެޓީރިއަލެއް ރާއްޖެއަށް އެތެރެވާއިރު ނުވަތަ ބޭރުވާއިރު، ކޯޓު އަމުރެއް ނެތި ބަލާފާސްކުރުން؛
  4. މި ގާނޫނުގެ މާއްދާތަކާ އެއްގޮތްވާ ގޮތުގެމަތިން އަމަލުކުރާކަން ނުވަތަ ނޫންކަން ކަނޑައެޅުމަށް ބޭނުންވާކަމަށް އޭނާއަށް ފެންނަ ބެލުންތައް ބެލުމާއި އިންކުއަރީތައް ހިންގުމާއި، އެ މަގްސަދުގައި އެފަދަ ތަކެތި އުފުލުން ހުއްޓުވުން؛
  5. މި ގާނޫނާ ހިލާފަށް ފޯރުކޮށްދޭކަމަށް، ވިއްކާކަމަށް، ނުވަތަ ބޭނުންކުރާކަމަށް އޭނާއަށް ގަބޫލުކުރެވޭ ސަބަބުތައްހުރި ގަސްގަހާގެއްސާއި، ގަހުގެ ބައިތަކުގެ އުފެއްދުންތަކާއި، ރެގިއުލޭޓްކުރެވޭ ތަކެތި ފޯރުކޮށްދިނުމާއި، ވިއްކުމާއި، ބޭނުންކުރުން ކަނޑައެޅިގެންވާ މުއްދަތަކަށް ހުއްޓުވުމާއި، އަދި އެތަކެތި  ހިފެހެއްޓުން؛
  6. އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް، ގަސްގަހާގެއްސާއި، ގަހުގެ ބައިތަކުގެ އުފެއްދުންތަކާއި ރެގިއުލޭޓްކުރެވޭ ތަކެތީގައި ހުރިކަމަށް ގަބޫލުކުރެވޭ ޕެސްޓެއް ފެތުރުން ހުއްޓުވުމަށްޓަކައި، ދިވެހިރާއްޖެއަށް އިމްޕޯޓްކުރެވޭ ނުވަތަ ރާއްޖޭގައި ޓްރާންސިޓްގައިވާ ގަސްގަހާގެހި، ގަހުގެ ބައިތަކުގެ އުފެއްދުންތައް ނުވަތަ ރެގިއުލޭޓްކުރެވޭ ތަކެއްޗާ ގުޅޭގޮތުން، ފައިޓޯސެނިޓަރީ އިމްޕޯޓް ހުއްދަ ނުވަތަ ފައިޓޯސެނިޓަރީ ސެޓްފިކެޓް ދޫކުރެވިފައި އޮތްނަމަވެސް ނުވަތަ ނެތްނަމަވެސް، ރާއްޖެއަށް ގެނައުމަށް ކަނޑައަޅާފައިވާ ކޮންވޭޔަންސެއްގެ ވެރިފަރާތުގެ ހަރަދުގައި ޕެސްޓް ކަރަންޓީންކުރާ ސްޓޭށަނެއްގައި ތިރީގައިވާ ކަންކަން ކުރުމަށް އިންސްޕެޓަރަށް އަމުރުކުރެވިދާނެއެވެ.

            6.1   ފަރުވާދިނުން؛

            6.2   ނައްތާލުން؛

            6.3   އަނބުރާ ފުރުވާލުން؛ ނުވަތަ

            6.4   ބަންދުކޮށްފައި ބެހެއްޓުން.

(ނ) ބަލާފާސްކުރުމަށްފަހު، ގަވާއިދުގައި ކަނޑައަޅާފައިވާ ކަންކަން ހިމެނޭގޮތަށް، އަދި ގަސްގަހާގެއްސާއި، ގަހުގެ ބާވަތްތަކާއި، ގަސްގަހާގެހީގެ ކޮންސައިންމަންޓްތައް ހިފެހެއްޓި، ކޮންފިސްކޭޓްކުރި، އެތަކެތިން ސާމްޕަލް ނެގި ނުވަތަ އެތަކެތި ނައްތާލި ސަބަބުތައް ބަޔާންކުރާ އިންސްޕެކްށަން ރިޕޯޓެއް ފައިޓޯސެނިޓަރީ އިންސްޕެކްޓަރުން ދޫކުރަންވާނެއެވެ.

(ރ) މި މާއްދާގައި ބަޔާންކުރާ މަސައްކަތްތައް ކުރުމުގައި، މޯލްޑިވްސް ޕޮލިސް ސަރވިސް ނުވަތަ ދައުލަތުގެ އެހެން އިދާރާއެއްގެ އެހީތެރިކަމަށް ފައިޓޯސެނިޓަރީ އިންސްޕެކްޓަރުންނަށް އެދެވިދާނެއެވެ.

(ބ) މި މާއްދާގެ (ހ)  އަދި (ށ)  ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ކޯޓު އަމުރެއްގެ ދަށުން މެނުވީ، ފައިޓޯސެނިޓަރީ އިންސްޕެކްޓަރަކު އޭނާގެ މަސްއޫލިއްޔަތު އަދާކުރުމުގެގޮތުން، މީހުން ދިރިއުޅޭ އެއްވެސް ތަނަކަށް، އެތަނުގެ ވެރިފަރާތުގެ ނުވަތަ އެތާނގައި ދިރިއުޅޭ މީހުންގެ ހުއްދަނެތި ވަދެގެން ނުވާނެއެވެ.

 

4 ވަނަ ބާބު

ޕެސްޓް ކޮންޓްރޯލްކުރުން

11 ވަނަ މާއްދާ - ރެގިއުލޭޓްކުރެވޭ ޕެސްޓް ކަނޑައެޅުން

(ހ) ޕެސްޓްގެ ނުރައްކާތެރިކަމުގެ ދިރާސާގެ މައްޗަށް ބިނާކޮށް، ވަކި ޕެސްޓަކީ ކަރަންޓީންކުރާ ޕެސްޓެއްގެ ގޮތުގައި ނުވަތަ ރެގިއުލޭޓްކުރެވޭ ކަރަންޓީންނުކުރާ ޕެސްޓެއްގެ ގޮތުގައި، އެން.ޕީ.ޕީ.އޯ އަށް ކަނޑައެޅިދާނެއެވެ. އެން.ޕީ.ޕީ.އޯ އިން ރެގިއުލޭޓްކުރެވޭ ޕެސްޓްގެ ލިސްޓެއް ގާއިމުކޮށް ކަނޑައެޅޭ މުއްދަތުތަކެއްގައި މުރާޖައާކޮށް، އަދި އެ ލިސްޓު އައި.ޕީ.ޕީ.ސީ ގެ ސެކްރެޓޭރިއެޓަށް ފޮނުވަންވާނެއެވެ.

(ށ) ބައިނަލްއަގްވާމީ ނުވަތަ ސަރަހައްދީ އިދާރާތަކުން ނުވަތަ ގަސްގަހާގެހި ހިމާޔަތްކުރުމާބެހޭ އެހެން ގައުމީ އިދާރާތަކުން ރެގިއުލޭޓްކުރެވޭ ޕެސްޓްގެ ލިސްޓަށް އެދިއްޖެނަމަ، އެން.ޕީ.ޕީ.އޯ އިން
އެ ލިސްޓު ފޯރުކޮށްދޭންވާނެއެވެ.

 

12 ވަނަ މާއްދާ - ޕެސްޓާ ގުޅިގެން އަޅާ އިމަޖެންސީ ފިޔަވަޅު

(ހ) ސަރަހައްދުގެ އެއްވެސް ބައެއްގައި ނުވަތަ އެހެންވެސް އިމާރާތެއް ނުވަތަ ގޯއްޗެއްގައި ކަރަންޓީންކުރާ ޕެސްޓެއް އުޅޭކަމަށް ފައިޓޯސެނިޓަރީ އިންސްޕެކްޓަރަށް ށައްކުކުރެވޭނަމަ، ތިރީގައިވާ ކަންކަން ކުރެވިދާނެއެވެ.

  1. އެތަނަކަށް ވަދެ، މި ގާނޫނުގެ 10 ވަނަ މާއްދާއިން ލިބިދޭ ބާރުތަކުގެ ބޭނުންކުރުން؛ ނުވަތަ
  2. އެ ސަރަހައްދަކީ، ޕްރޮވިށަނަލް ކަރަންޓީން ސަރަހައްދެއްކަމަށް ކަނޑައަޅައިދިނުމަށް އެން.ޕީ.ޕީ.އޯ ގައި އެދުމާއެކު، ޕެސްޓް ފެތުރުން ހުއްޓުވުމަށް ދުރާލާ އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

(ށ) ގަސްގަހާގެހި، ގަހުގެ ބައިތަކުގެ އުފެއްދުންތައް ނުވަތަ ރެގިއުލޭޓްކުރެވޭ ތަކެތި އެއްތަނުން އަނެއްތަނަށް ގެންދިޔުމާއި، ހެއްދުން ހުއްޓުވުމާއި މަނާކުރުން ހިމެނޭގޮތުން، ދުރާލާ އަޅާނެ ފިޔަވަޅުތައް، އެން.ޕީ.ޕީ.އޯ ގެ އަމުރަކުން ފާސްކުރަންވާނެއެވެ.

 

13 ވަނަ މާއްދާ - ޕްރޮވިށަނަލް ކަރަންޓީން ކަނޑައެޅުން

(ހ) މި ގާނޫނުގެ 12 ވަނަ މާއްދާގެ (ހ)  ގެ 2 ވަނަ ނަންބަރާ އެއްގޮތްވާ ގޮތުގެމަތިން އެން.ޕީ.ޕީ.އޯ ގައި އެދިއްޖެހިނދެއްގައި، ނުވަތަ ސަރަހައްދެއްގެ އެއްވެސް ބައެއްގައި ކަރަންޓީންކުރެވޭ ޕެސްޓެއް އުޅޭކަމަށް ށައްކުކުރެވިއްޖެ ހިނދެއްގައި އެން.ޕީ.ޕީ.އޯ ގެ އަމިއްލަ އިސްނެގުމުގައި، އެ ސަރަހައްދަކީ، ޕްރޮވިށަނަލް ކަރަންޓީން ސަރަހައްދެއްކަމަށް ކަނޑައަޅައި އަދި އިމަޖެންސީ ފިޔަވަޅުތައް އެޅިދާނެއެވެ.

(ށ) ޕްރޮވިށަނަލް ކަރަންޓީން ސަރަހައްދެއް ކަނޑައަޅާފައިވާނަމަ، ވީއެންމެ އަވަހަކަށް އެން.ޕީ.ޕީ.އޯ އިން ތިރީގައިވާ ކަންކަމުންކުރެ ކަމެއް ކުރަންވާނެއެވެ.

  1. ކަރަންޓީން ޕެސްޓް އަށަގެންފައިވާ ސަރަހައްދެއް ނުވަތަ އިމާރާތެއް ނުވަތަ ގޯއްޗެއްތޯ ޔަގީންކޮށް، މި ގާނޫނުގެ 14 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެ ސަރަހައްދަކީ ކަރަންޓީންކުރާ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުން؛ ނުވަތަ
  2. އެ ސަރަހައްދަކީ ޕްރޮވިށަނަލް ކަރަންޓީން ސަރަހައްދެއްކަމަށް ކަނޑައެޅި ކަނޑައެޅުން ބާތިލުކުރުން.

(ނ) މި މާއްދާގެ (ހ) ގެ ދަށުން އަޅާ އިމަޖެންސީ ފިޔަވަޅުތައް އެން.ޕީ.ޕީ.އޯ އިން އާންމުކޮށް ށާއިއުކުރަންވާނެއެވެ.

 

14 ވަނަ މާއްދާ - ކަރަންޓީންކުރާ ސަރަހައްދުތައް ކަނޑައެޅުން

(ހ) އެ ސަރަހައްދަކީ ޕެސްޓެއް އަށަގެންފައިވާ ސަރަހައްދެއްކަމަށް އެން.ޕީ.ޕީ.އޯ އިން ކަނޑައަޅައިފި ހިނދެއްގައި ނުވަތަ ކަރަންޓީންކުރާ ޕެސްޓެއް އަށަގެންފައިވާކަމަށް ށައްކުކުރެވޭފަދަ އެކަށީގެންވާ ސަބަބުތަކެއް ހުރިނަމަ، އެ ސަރަހައްދެއް ފާހަގަކޮށް، އެ ސަރަހައްދަކީ ކަރަންޓީންކުރާ ސަރަހައްދެއްގެ ގޮތުގައި އެން.ޕީ.ޕީ.އޯ އަށް ކަނޑައެޅިދާނެއެވެ.

(ށ) މި ގާނޫނުގެ ދަށުން ނެރޭ އަމުރަކުން، ކަރަންޓީންކުރެވޭ ސަރަހައްދުތަކާއި، ކަރަންޓީންކުރެވޭ މުއްދަތު ކަނޑައަޅައި، އެން.ޕީ.ޕީ.އޯ އިން އާންމުކޮށް ށާއިއުކުރަންވާނެއެވެ.

(ނ) ޕެސްޓް އަށަގަތުން ކޮންޓްރޯލްކުރުމަށް ބޭނުންވާ ފައިޓޯސެނިޓަރީ ފިޔަވަޅުތައް އަޅައި، އެކަމަށް ބޭނުންވާ ފައިޓޯސެނިޓަރީ މިންގަނޑުތައް އެން.ޕީ.ޕީ.އޯ އިން ފާސްކުރަންވާނެއެވެ.

(ރ) ކަރަންޓީންކުރެވޭ މުއްދަތު މި ގާނޫނުގެ 15 ވަނަ މާއްދާގައިވާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިން އެން.ޕީ.ޕީ.އޯ އިން މުރާޖައާކޮށް ބޭނުންވާގޮތެއްގެމަތިން އެ މުއްދަތު އިތުރުކުރަންވާނެއެވެ.

 

15 ވަނަ މާއްދާ - ކަރަންޓީންކުރިކުރުން ބާތިލުކުރުން

ކަރަންޓީންކުރާ ސަރަހައްދުގެ ހާލަތު ގަވާއިދުން މުރާޖައާކޮށް، ތިރީގައިވާ ކަންކަމުންކުރެ ކަމެއް ފުރިހަމަވުމާއެކު، އެ ސަރަހައްދުގެ ވެރިފަރާތްތަކަށް ނުވަތަ އެ ސަރަހައްދުގައި އުޅޭ ފަރާތްތަކަށް ފަސޭހައިން ބެލޭނެގޮތަކަށް އާންމުކޮށް ށާއިއުކުރާ ނޯޓިހަކުން، ކަރަންޓީންކުރިކުރުން ބާތިލުކޮށްފައިވާކަން ވީ އެންމެ އަވަހަކަށް އަންގަންވާނެއެވެ.

(ހ) ކަރަންޓީންކުރާ ޕެސްޓް އެތަނުގައި މިހާރު އުޅޭކަމަށް ނުބެލެވުން؛ ނުވަތަ

(ށ) ޕެސްޓް އަށަގެންފައިވާ ސަރަހައްދު އެއްކޮށް ނުވަތަ އެ ސަރަހައްދުން ބައެއް ކަރަންޓީންކޮށްފައި ބެހެއްޓުން މިހާރަށް އެކަށީގެންނުވާކަމަށް އެން.ޕީ.ޕީ.އޯ އަށް ފެނުން.

 

16 ވަނަ މާއްދާ - ޕެސްޓް ނެތް ސަރަހައްދު ކަނޑައެޅުން

އެކަށީގެންވާ ސަރވޭލަންސްތަކުގެ މައްޗަށް ބަލައި، ރެގިއުލޭޓްކުރެވޭ ޕެސްޓް އެ ސަރަހައްދުގައި ނެތްކަމަށް އެން.ޕީ.ޕީ.އޯ އަށް ގަބޫލުކުރެވި، އެ ސަރަހައްދަކީ ޕެސްޓް ނެތް ސަރަހައްދެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ފައިޓޯސެނިޓަރީ މިންގަނޑުތައް ކަނޑައަޅައި، އަދި އެ ހާލަތުގައި އެ ސަރަހައްދު ދެމެހެއްޓޭތޯ ބެލުމަށް މޮނިޓަރކުރެވޭ ސިސްޓަމެއް ގާއިމުކޮށްފިނަމަ، އެ ސަރަހައްދަކީ ޕެސްޓް ނެތް ސަރަހައްދެއްކަމުގައި އެން.ޕީ.ޕީ.އޯ އަށް ކަނޑައެޅިދާނެއެވެ.

 

17 ވަނަ މާއްދާ - ޕެސްޓް މަދުން އުޅޭ ސަރަހައްދު ކަނޑައެޅުން

އެކަށީގެންވާ ސަރވޭލަންސްތަކުގެ މައްޗަށް ބަލައި، އެ ސަރަހައްދުގައި ޕެސްޓް އުޅެނީ މަދުންކަމަށް އެން.ޕީ.ޕީ.އޯ އަށް ގަބޫލުކުރެވި، އެ ސަރަހައްދަކީ ޕެސްޓް މަދުން އުޅޭ ސަރަހައްދެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ފައިޓޯސެނިޓަރީ މިންގަނޑުތައް ކަނޑައަޅައި، އަދި އެ ހާލަތުގައި އެ ސަރަހައްދު ދެމެހެއްޓޭތޯ ބެލުމަށް މޮނިޓަރކުރެވޭ ސިސްޓަމެއް ގާއިމުކޮށްފިނަމަ، އެ ސަރަހައްދަކީ ޕެސްޓް މަދުން އުޅޭ ސަރަހައްދެއްކަމުގައި އެން.ޕީ.ޕީ.އޯ އަށް ކަނޑައެޅިދާނެއެވެ.

 

18 ވަނަ މާއްދާ - ކޮންޓްރޯލްކުރުމުގެ މިންގަންޑުތައް ތަންފީޒުކުރުން

(ހ) މި ގާނޫނުގެ 13 ވަނަ މާއްދާއާއި 14 ވަނަ މާއްދާއާއި، 17 ވަނަމާއްދާގެ ދަށުން ގާއިމުކުރެވިފައިވާ ޕްރޮވިށަނަލް ކަރަންޓީން ސަރަހައްދުތަކުގައާއި، ކަރަންޓީންކުރާ ސަރަހައްދުތަކުގައާއި، ޕެސްޓް މަދުން އުޅޭ ސަރަހައްދުތަކުގައި ތިރީގައިވާ ފައިޓޯސެނިޓަރީ މިންގަނޑުތައް ހިފެހެއްޓިދާނެއެވެ.

  1. ޕެސްޓް ފެތުރުން މަދުކުރުމަށްޓަކައި، ޕެސްޓް އަށަގެންފައިވީނަމަވެސް އަދި އަށަގެންފައިނުވާނަމަވެސް، އެތަކެތީގެ ކޮންވޭޔަންސްތަކަށް ފަރުވާދިނުން ހިމެނޭގޮތުން، ގަސްގަހާގެއްސާއި، ގަހުގެ ބައިތަކުގެ އުފެއްދުންތަކާއި، އަދި ރެގިއުލޭޓްކުރެވޭ ތަކެއްޗަށް ފަރުވާދިނުން ނުވަތަ ނައްތާލުން؛
  2. ޕެސްޓް ކޮންޓްރޯލްކުރުމަށް ލާޒިމު ފަރުވާތައް ދިނުން؛
  3. ގަސްގަހާގެއްސާއި، ގަހުގެ ބައިތަކުގެ އުފެއްދުންތަކާއި، ރެގިއުލޭޓްކުރެވޭ ތަކެތި
    އެ ސަރަހައްދުތަކުގެ ތެރޭގައާއި، އެ ސަރަހައްދުތަކުން އެތެރެއަށް ނުވަތަ ބޭރަށް ދައުރުވުން މަނާކުރުން ނުވަތަ ހިފެހެއްޓުން؛
  4. ކަނޑައެޅިފައިވާ ތަނެއްގައި ގަސްއިންދުމާއި، އަލުން އިންދުން މަނާކުރުން؛
  5. ސަރަހައްދެއްގައި އުޅޭ ޕެސްޓެއް ފެތުރުނަނުދީ ހިފެހެއްޓުމަށް، ނައްތާލުމަށް ނުވަތަ ބެލެހެއްޓުމަށް ބޭނުންކަމަށް އެން.ޕީ.ޕީ.އޯ އިން ކަނޑައަޅާ އެހެނިހެން ފައިޓޯސެނިޓަރީ މިންގަނޑުތައް ހިފެހެއްޓުން.

(ށ) ރަސްމީ ފައިޓޯސެނިޓަރީ މިންގަނޑުތައް އެ ސަރަހައްދުގައި ކަނޑައެޅިގެންވާ މުއްދަތެއްގެ ތެރޭގައި ތަންފީޒުކުރަންޖެހޭނެކަމަށް އެން.ޕީ.ޕީ.އޯ އިން އެ ސަރަހައްދުގެ ވެރިފަރާތަށް އެންގިދާނެއެވެ.

(ނ) އެން.ޕީ.ޕީ.އޯ އިން އަންގާ އެންގުމުގައިވާ އެއްވެސް ށަރުތަކާ އެއްގޮތަށް ވެރިފަރާތުން އަމަލުނުކޮށްފިނަމަ، ތިރީގައިވާ ކަންކަމުންކުރެ ކަމެއް އެން.ޕީ.ޕީ.އޯ އަށް ކުރެވިދާނެއެވެ.

  1. އެން.ޕީ.ޕީ.އޯ ގެ އެންގުމުގައިވާގޮތަށް ކޮންޓްރޯލްކުރުމުގެ މިންގަންޑުތައް ތަންފީޒުކުރުމަށްޓަކައި، އެ ސަރަހައްދަކަށް ނުވަތަ އިމާރާތަކަށް ނުވަތަ ގޯއްޗަކަށް ފައިޓޯސެނިޓަރީ އިންސްޕެކްޓަރަކު ވަނުމުގެ ހުއްދަ ދިނުން؛ ނުވަތަ
  2. ހާލަތަށް ބަލައި ބޭނުންވެއްޖެހިނދެއްގައި، ރެގިއުލޭޓްކުރެވޭ ޕެސްޓެއް ކޮންޓްރޯލްކުރުމަށްޓަކައި، ގަސްގަހާގެއްސާއި، ގަހުގެ ބައިތަކުގެ އުފެއްދުންތަކާއި، ރެގިއުލޭޓްކުރެވޭ ތަކެތި ނައްތާލުން.

(ރ) މި މާއްދާގެ (ނ)  ގައި ބުނެފައިވާ ފައިޓޯސެނިޓަރީ އިންސްޕެކްޓަރުން، މި މާއްދާގެ ނަންބަރުތަކުގައި ބުނެފައިވާ ގޮތުގެމަތިން އަމަލުކުރުމަށް ބޭނުންވާ އާލާތާއި، މެށިނަރީއާއި، އެއްގަމު އުޅަނދުފަހަރާއި، އަދި އެނޫން ތަކެތި އެމީހުންނާއެކު ގެންދެވިދާނެއެވެ.

(ބ) މި މާއްދާގެ (ނ)  ގެ ދަށުން އަޅާ ފިޔަވަޅު އެޅުމުގެ މަސްއޫލިއްޔަތު އުފުލައި، އެކަމަށްދާ ހަރަދު ދައްކަންޖެހޭނީ ވެރިފަރާތުންނެވެ.

(ޅ) ސަރުކާރުގެ ޒިންމާ އޮތްކަމަށް ށަރީއަތުން ސާބިތުވެގެން މެނުވީ، މި ގާނޫނުގެ 10 ވަނަ މާއްދާގެ (ނ)  ގައި ބުނާ ބަލާފާސްކުރުމުގެ ރިޕޯޓުގައި އެކަމަށް އެކަށީގެންވާ ސަބަބުތަކެއް ހުރިނަމަ، މި މާއްދާގެ ދަށުން އެއްވެސް ފައިޓޯސެނިޓަރީ މިންގަނޑެއް ތަންފީޒުކުރުމުގެ ތެރޭގައި ނުވަތަ އޭގެ ނަތީޖާއެއްގެގޮތުން، އިމާރާތާއި ގޯއްޗަށް ވަނުމުގެ ނުވަތަ ގަސްގަހާގެއްސާއި ގަހުގެ ބައިތަކުގެ އުފެއްދުންތަކާއި ރެގިއުލޭޓްކުރެވޭ ތަކެތި ނައްތާލުމުގެ ޒިންމާ ދިވެހި ސަރުކާރުންނާއި ހުއްދަ ދެވިފައިވާ ފައިޓޯސެނިޓަރީ އިންސްޕެކްޓަރުން އުފުލާކަށް ނުޖެހޭނެއެވެ.

 

5 ވަނަ ބާބު

އިމްޕޯޓްކުރެވޭ ތަކެތި

19 ވަނަ މާއްދާ - ފައިޓޯސެނިޓަރީ ސެޓްފިކެޓް

(ހ) މި ގާނޫނުގައި ބަޔާންކުރާ ގޮތެއްގެމަތިން ނުވަތަ އެކްސްޕޯޓްކުރެވޭ ގައުމުގެ އެން.ޕީ.ޕީ.އޯ އިން ދޫކުރާ ފައިޓޯސެނިޓަރީ ސެޓްފިކެޓާއެކު މެނުވީ، އެއްވެސް މީހަކު، ގަސްގަހާގެއްސާއި، ގަހުގެ ބައިތަކުގެ އުފެއްދުންތަކާއި އެނޫން ރެގިއުލޭޓްކުރެވޭ ތަކެތި ދިވެހިރާއްޖެއަށް އިމްޕޯޓްކޮށްގެން ނުވާނެއެވެ.

(ށ) އެކްސްޕޯޓްކުރުމަށާއި ރީއެކްސްޕޯޓްކުރުމަށް އައި.ފީ.ޕީ.ސީ ގައިވާ ފައިޓޯސެނިޓަރީ ސެޓްފިކެޓްގެ ނަމޫނާއާ ފައިޓޯސެނިޓަރީ ސެޓްފިކެޓް އެއްގޮތްވާން ވާނެއެވެ.

(ނ) ފައިޓޯސެނިޓަރީ ސެޓްފިކެޓް ދޫކުރަންވާނީ ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

20 ވަނަ މާއްދާ - އިމްޕޯޓްކުރުމުގެ ފައިޓޯސެނިޓަރި މިންގަނޑުތައް

(ހ) ރެގިއުލޭޓްކުރެވޭ ޕެސްޓް ތައާރުފުވުމާއި ފެތުރުމުން ރައްކާތެރިވުމަށްޓަކައި، ގަސްގަހާގެއްސާއި، ގަހުގެ ބައިތަކުގެ އުފެއްދުންތަކާއި ރެގިއުލޭޓްކުރެވޭ ތަކެތި އިމްޕޯޓްކުރުމާ ގުޅޭގޮތުން، ތިރީގައިވާ ފައިޓޯސެނިޓަރީ މިންގަނޑުތައް އެން.ޕީ.ޕީ.އޯ އަށް ކަނޑައެޅިދާނެއެވެ.

  1. ޕެސްޓްގެ ނުރައްކާތެރިކަމުގެ ދިރާސާއަށް ބިނާކޮށް ގަސްގަހާގެހި، ގަހުގެ ބައިތަކުގެ އުފެއްދުންތައް ނުވަތަ ރެގިއުލޭޓްކުރެވޭ ތަކެއްޗާބެހޭގޮތުން ފައިޓޯސެނިޓަރީ ށަރުތުތައް ކަނޑައެޅުން؛
  2. މި މާއްދާގެ (ހ)  ގެ 1 ވަނަ ނަންބަރުގެ ދަށުން ކަނޑައަޅާފައިވާ ފައިޓޯސެނިޓަރީ ށަރުތުތަކާ ހިލާފުވާ ނުވަތަ ނުރައްކާތެރިކަމަށް ބެލެވޭ ގަސްގަހާގެއްސާއި، ގަހުގެ ބައިތަކުގެ އުފެއްދުންތަކާއި ރެގިއުލޭޓްކުރެވޭ ތަކެތި ނުވަތަ އެތަކެތީގެ ކޮންސައިންމަންޓްތައް، އެތެރެކުރުމަށް ހުއްދަ ނުދިނުން ނުވަތަ ބަންދުކުރުން ނުވަތަ ފަރުވާދިނުމަށް ލާޒިމުކުރުވުން، ނައްތާލުން ނުވަތަ ދިވެހިރާއްޖޭގެ ސަރަހައްދުން ބޭރުކުރުން؛
  3. ގަސްގަހާގެއްސާއި، ގަހުގެ ބައިތަކުގެ އުފެއްދުންތަކާއި ރެގިއުލޭޓްކުރެވޭ ތަކެތި ފައިޓޯސެނިޓަރީގޮތުން ތަހުލީލުކުރުމަށް، ދިރާސާކުރުމަށް، ބަލާފާސްކުރުމަށް، ޓެސްޓުކުރުމަށް، ފަރުވާދިނުމަށް، ބަންދުކުރުމަށް، ނުވަތަ ނައްތާލުމަށް ބެހެއްޓޭ ކަރަންޓީންކުރާ ސްޓޭށަންތަކެއްގެ ގޮތުގައި ވަކި ތަންތަން ކަނޑައެޅުން؛
  4. ގަސްގަހާގެހި، ގަހުގެ ބައިތަކުގެ އުފެއްދުންތައް ނުވަތަ ދިރޭސޫފާސޫފި އިމްޕޯޓްކުރާ ފަރާތްތަކަށް ފައިޓޯސެނިޓަރީ އިމްޕޯޓް ހުއްދަ ދެވޭ ސިސްޓަމެއް ބެލެހެއްޓުން؛ 
  5. ރާއްޖެއަންނަ ފަރާތްތަކާއެކުގައާއި ރާއްޖެއަށް އެތެރެކުރެވޭ ކޮންވޭޔަންސްތަކުގައި ގަސްގަހާގެއްސާއި، ގަހުގެ ބައިތަކުގެ އުފެއްދުންތަކާއި ރެގިއުލޭޓްކުރެވޭ ތަކެތި ހުރިނަމަ އެކަން ހާމަކުރުމަށް އެދުން؛ ނުވަތަ
  6. ރެގިއުލޭޓްކުރެވޭ ޕެސްޓް ތައާރުފުވުމާއި ފެތުރުން ހުއްޓުވުމަށް ބޭނުންވާ އެހެނިހެން ފިޔަވަޅު އެޅުން.

(ށ) މި މާއްދާގައިވާ ފައިޓޯސެނިޓަރީ މިންގަނޑުތައް ބިނާކުރަންވާނީ އަމަލުކުރެވޭ ބައިނަލްއަގްވާމީ މިންގަނޑުތަކަށެވެ. ނުވަތަ އެމިންގަނޑުތައް ގާއިމުކުރުމަށް ފަންނީ ސަބަބު ހުންނަންވާނެއެވެ.

(ނ) ހާލަތު ބަދަލުވުމާއި، އަދި އައު ހަގީގަތްތަކެއް އެނގުމާ ގުޅިގެން، މި މާއްދާގެ ދަށުން އަޅާ ފިޔަވަޅުތައް ލަސްނުކޮށް ބަދަލުކުރިކަން ނުވަތަ ބާތިލުކުރިކަން އެން.ޕީ.ޕީ.އޯ އިން ޔަގީންކުރަންވާނެއެވެ.

(ރ) އައު ނުވަތަ ނޭނގޭ ޕެސްޓް ތައާރުފުވުމާއި، އަދި/ނުވަތަ ފެތުރުން ހުއްޓުވުމަށްޓަކައި، އެން.ޕީ.ޕީ.އޯ އަށް އިތުރު މިންގަނޑުތައް ކަނޑައެޅިދާނެއެވެ.

 

21 ވަނަ މާއްދާ - ތަކެތި އެތެރެކުރުމަށް ކަނޑައަޅާ ބަނދަރުތަކުގައިވާ އިމާރާތްތަކާއި ގޯތި

މިބާބުގައި ބަޔާންކުރާ، ބަލާފާސްކުރުމުގެ ކަންކަން ކުރުމަށް، އެއަރޕޯޓުގައާއި، ބަނދަރުތަކުގައާއި، އަދި ތަކެތި އެތެރެކުރުމަށް މި ގާނޫނުގެ ދަށުން ކަނޑައަޅާ އެހެނިހެން ބަނދަރުތަކުގައި އެކަށީގެންވާ އިމާރާތްތަކާއި މަސައްކަތްކުރުމަށް ބޭނުންވާނެ ޖާގަ ބެހެއްޓުމާއި އެތަންތަނަށް ވަނުމުގެ ހައްގު ފައިޓޯސެނިޓަރީ އިންސްޕެކްޓަރުންނަށް ލިބިދޭންވާނެއެވެ. ތަކެތި އެތެރެކުރުމަށް ކަނޑައަޅާފައިވާ ބަނދަރުތަކުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ އިދާރާތަކުން، ބުނެވިދިޔަ އިމާރާތްތަކާއި ތަންތަނަށް ވަދެވޭކަން ޔަގީންކޮށްދޭންވާނެއެވެ.

 

22 ވަނަ މާއްދާ - ފައިޓޯސެނިޓަރީ އިމްޕޯޓް ހުއްދަ

(ހ) ސައިންޓިފިކް ނުވަތަ ދިރާސާކުރުމުގެ ބޭނުމަށް އިމްޕޯޓްކުރާ، ގަސްގަހާގެހި، ގަހުގެ ބައިތަކުގެ އުފެއްދުންތައް ނުވަތަ ރެގިއުލޭޓްކުރެވޭ ތަކެތި އެން.ޕީ.ޕީ.އޯ އިން ލިޔުމުން ދޭ ނޯޓިހަކުން ފައިޓޯސެނިޓަރީ އިމްޕޯޓް ހުއްދަ ހޯދުމުން އިސްތިސްނާކުރާ ހާލަތުގައި މެނުވީ، ގަސްގަހާގެއްސާއި، ގަހުގެ ބައިތަކުގެ އުފެއްދުންތަކާއި އަދި ރެގިއުލޭޓްކުރެވޭ ތަކެތި، މި ގާނޫނުގެ ދަށުން ދޫކުރެވޭ ފައިޓޯސެނިޓަރީ އިމްޕޯޓް ހުއްދަ އޮވެގެން މެނުވީ ދިވެހިރާއްޖެއަށް އިމްޕޯޓްކޮށްގެން ނުވާނެއެވެ.

(ށ) ފައިޓޯސެނިޓަރީ އިމްޕޯޓް ހުއްދަ ބޭނުންވާހިނދެއްގައި، އިމްޕޯޓްކުރާ ފަރާތުން އެކަމަށް ހުށަހަޅައި އަދި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފީ ދައްކަންވާނެއެވެ.

(ނ) ފައިޓޯސެނިޓަރީ އިމްޕޯޓް ހުއްދަ ދޫކުރަންޖެހޭނެ އެންމެ ދިގު މުއްދަތާއި، ހުއްދަ ސައްހަވާނެ މުއްދަތުގެ ދިގުމިނާއި، ނެގޭނެ ފީތައް ހިމެނޭގޮތުން، ފައިޓޯސެނިޓަރީ އިމްޕޯޓް ހުއްދަ ދޫކުރުމުގެ ށަރުތުތަކާއި އިޖުރާއަތުތައް އެން.ޕީ.ޕީ.އޯ އިން ގަވާއިދަކުން އެކަށައަޅަންވާނެއެވެ.

(ރ) ތިރީގައިވާ ކަންކަން ކުރުމަށްޓަކައި، ފައިޓޯސެނިޓަރީ އިމްޕޯޓް ހުއްދައަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމެއް ދިރާސާކުރުމުގައި، އެން.ޕީ.ޕީ.އޯ އިން ބައިނަލްއަގްވާމީ މިންގަނޑުތައް ނުވަތަ ޕެސްޓްގެ ނުރައްކަލުގެ ދިރާސާ ބޭނުންކުރަންވާނެއެވެ.

  1. ތަބާވާންޖެހޭ ފައިޓޯސެނިޓަރީ ށަރުތުތައް ކަނޑައެޅުން؛ އަދި
  2. ގަސްގަހާގެއްސާއި، ގަހުގެ ބައިތަކުގެ އުފެއްދުންތަކާއި ރެގިއުލޭޓެކުރެވޭ ތަކެތީގެ ލިސްޓެއް، ފައިޓޯސެނިޓަރީ އިމްޕޯޓް ހުއްދައިން އިސްތިސްނާކުރުން.

 

23 ވަނަ މާއްދާ – ބަލާފާސްކުރުންތައް

(ހ) ގަސްގަހާގެއްސާއި، ގަހުގެ ބައިތަކުގެ އުފެއްދުންތަކާއި ރެގިއުލޭޓްކުރެވޭ ތަކެތީގެ ކޮންސައިންމަންޓްތައް ދިވެހިރާއްޖެއަށް އިމްޕޯޓްކުރެވޭހިނދު ނުވަތަ ރާއްޖޭގައި ޓްރާންސިޓްގައިވާއިރު، ކޮންސައިންމަންޓްތަކުގައި ފުރިހަމަވާންޖެހޭކަމަށް މިނިސްޓަރު ފާސްކޮށްފައިވާ ގަވާއިދުގައިވާ ށަރުތުތައް، ކޮންސައިންމަންޓްގައި ފުރިހަމަވޭތޯއާއި ލިޔެކިޔުންތައް ސައްހަތޯ، ތަކެތި އެތެރެކުރުމަށް ކަނޑައަޅާ ބަނދަރުގައި ފައިޓޯސެނިޓަރީ އިންސްޕެކްޓަރު ބަލާފާސްކުރަންވާނެއެވެ.

(ށ) އިމްޕޯޓްކުރާ ފަރާތުން ހުށަހެޅުމުން، ގަވާއިދުގައި ބަޔާންކުރެވިފައިވާ ގޮތަށް ބަންދުކޮށް ފާހަގަކޮށްފައިވާނަމަ، ބައެއް ގަސްގަހާގެއްސާއި، ގަހުގެ ބައިތަކުގެ އުފެއްދުންތަކާއި ރެގިއުލޭޓްކުރެވޭ ތަކެތި، އެތަކެތި ގެންދެވޭ އެންމެފަހުގެ މަންޒިލުގައި ނުވަތަ އެން.ޕީ.ޕީ.އޯ އިން ކަނޑައަޅާފައިވާ އިމާރާތެއްގައި ނުވަތަ ކަރަންޓީންކުރާ ސްޓޭށަނެއްގައި ފައިޓޯސެނިޓަރީ އިންސްޕެކްޓަރަށް ބަލާފާސްކުރެވިދާނެއެވެ.

(ނ) މި މާއްދާގެ (ހ)  އަދި (ށ)  ގެ ދަށުން ކުރެވޭ ބަލާފާސްކުރުންތަކަށް ފީ އެއް ނެގޭނެއެވެ.

(ރ) މި މާއްދާގެ ދަށުން ކުރެވޭ ބަލާފާސްކުރުންތައް ކުރަންވާނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ތަކެތި ނެރުމުގެ ކުރިންނެވެ.

 

24 ވަނަ މާއްދާ - ބަލާފާސްކުރުމަށްފަހު އަމަލުކުރެވޭ މިންގަނޑުތައް

(ހ) މި ގާނޫނުގެ 23 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ބަލާފާސްކުރުމަށްފަހު، އެން.ޕީ.ޕީ.އޯ އިން ގާއިމުކޮށްފައިވާ ފައިޓޯސެނިޓަރީ ށަރުތުތަކާ އެއްގޮތަށް ކޮންސައިންމަންޓްތަކާއި ލިޔެކިޔުންތައް ހުރިކަމަށް ފައިޓޯސެނިޓަރީ އިންސްޕެކްޓަރު ކަނޑައަޅައިފިނަމަ، އިމްޕޯޓްކުރާ ފަރާތަށް ލިޔުމުން ދެވޭ ނޯޓިހަކުން، ކޮންސައިންމަންޓް ގެންދިޔުމުގެ ހުއްދަ އިންސްޕެކްޓަރު ދޭންވާނެއެވެ.

(ށ) މި ގާނޫނުގެ 23 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ބަލާފާސްކުރުމަށްފަހު، މި ގާނޫނުގެ 19 ވަނަ މާއްދާގެ (ހ)  ނުވަތަ (ށ)  ގައި ބުނާ ކަމާބެހޭ ލިޔެކިޔުންތައް ކޮންސައިންމަންޓާއެކު ނެތްކަމަށް، ނުވަތަ އެން.ޕީ.ޕީ.އޯ އިން ގާއިމުކޮށްފައިވާ ފައިޓޯސެނިޓަރީ ށަރުތުތަކާ އެއްގޮތަށް އަމަލުކޮށްފައިނުވާކަމަށް، ނުވަތަ އެނޫންވެސް ގޮތަކަށް ޕެސްޓެއް ތައާރުފުވުމުގެ ނުވަތަ ފެތުރުމުގެ ނުރައްކަލެއް އޮތްކަމަށް ފައިޓޯސެނިޓަރީ އިންސްޕެކްޓަރު ކަނޑައަޅައިފިނަމަ، އިމްޕޯޓްކުރާ ފަރާތަށް ލިޔުމުން ދެވޭ ނޯޓިހަކުން، ކޮންސައިންމަންޓް އެއްކޮށް ނުވަތަ އެއިން ބަޔަކާ ގުޅޭގޮތުން، ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ތިރީގައިވާ ކަންކަމުގެ ތެރެއިން ކަމެއް ކުރަންޖެހޭކަމަށް އިމްޕޯޓްކުރާ ފަރާތަށް އަންގަންވާނެއެވެ.

  1. ޓެސްޓުކުރުން ނުވަތަ ފަރުވާދިނުން ފުރިހަމަވަންދެން ބަންދުކޮށްފައިބެހެއްޓުން؛
  2. ކަރަންޓީންކުރުމަށްޓަކައި ގެންދިޔުން؛
  3. އަނބުރާ ފުރުވާލުން؛ ނުވަތަ
  4. ނައްތާލުން.

(ނ) ކޮންސައިންމަންޓް ވަރަށް އަވަހަށް ނައްތާލަންޖެހޭކަމަށް ފެނިއްޖެނަމަ ނުވަތަ ނޯޓިސް ދިނުމަކީ އެހިނދުގައި ކުރެވިދާނެކަމަކަށް ނުވާނަމަ، ނޯޓިސް ދިނުމަކާ ނުލައި، މި މާއްދާގެ (ށ)  ގައި ބުނެފައިވާ ފިޔަވަޅުތައް ފައިޓޯސެނިޓަރީ އިންސްޕެޓަރަށް އެޅިދާނެއެވެ. މި މާއްދާ ތަންފީޒުކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތައް އެޅި ސަބަބު އެން.ޕީ.ޕީ.އޯ އަށް ފައިޓޯސެނިޓަރީ އިންސްޕެކްޓަރު ލިޔުމުން ފޮނުވަންވާނެއެވެ.

(ރ) ދިވެހިރާއްޖެއަށް އެތެރެވުމަށްފަހު ނުވަތަ ފަރުވާދިނުމަށްފަހު، ގަވާއިދުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި ކޮންސައިންމަންޓަކާ ހަވާލުނުވެއްޖެނަމަ، އެ ކޮންސައިންމަންޓް ނައްތާލުމަށްޓަކައި ފައިޓޯސެނިޓަރީ އިންސްޕެކްޓަރަށް ފިޔަވަޅު އެޅިދާނެއެވެ.

(ބ) މި މާއްދާގެ (ހ) ، (ށ) ، (ނ)  ނުވަތަ (ރ)  ގެ ދަށުން އަޅާ ފިޔަވަޅު އެޅުމުގެ މަސްއޫލިއްޔަތު އުފުލައި، އެކަމަށް ދާ ހަރަދު ދައްކަންޖެހޭނީ އިމްޕޯޓްކުރާ ފަރާތުންނެވެ.

(ޅ) ސަރުކާރުގެ ވާޖިބުތައް އަދާކުރުމުގެ ތެރޭގައި ނުވަތަ މި މާއްދާގެ ދަށުން ބަލާފާސްކުރުމަށްފަހު އަމަލުކުރެވޭ މިންގަނޑުތައް ތަންފީޒުކުރުމުގެ ނަތީޖާއެއްގެ ގޮތުން ގަސްގަހާގެހި، ގަހުގެ ބައިތަކުގެ އުފެއްދުންތައް، ރެގިއުލޭޓްކުރެވޭ ތަކެތި ނުވަތަ ކޮންސައިންމަންޓްތައް ނައްތާލުމުގެ ޒިންމާ ސަރުކާރުން އުފުލާކަށް ނުޖެހޭނެއެވެ.

 

25 ވަނަ މާއްދާ - އެތެރެވިކަން އެންގުމަށް އޮތް ވާޖިބު

(ހ) ގަސްގަހާގެއްސާއި، ގަހުގެ ބައިތަކުގެ އުފެއްދުންތަކާއި ރެގިއުލޭޓްކުރެވޭ ތަކެތީގެ ކޮންސައިންމަންޓްތައް އައިސްފައިވާކަން، ތަކެތި އެތެރެކުރުމަށް ކަނޑައެޅޭ ބަނދަރުތަކާ ހަވާލުވެހުރި ފައިޓޯސެނިޓަރީ އިންސްޕެކްޓަރަށް އިމްޕޯޓްކުރާ ފަރާތުން ރިޕޯޓުކޮށް އަދި ފައިޓޯސެނިޓަރީގޮތުން ބަލާފާސްކުރުމަށް ހުށަހަޅަންވާނެއެވެ.

(ށ) ގަސްގަހާގެއްސާއި، ގަހުގެ ބައިތަކުގެ އުފެއްދުންތަކާއި، ރެގިއުލޭޓްކުރެވޭ ތަކެތި ރާއްޖެ އައިސްފިކަމުގެ މައުލޫމާތު ލިބިފައިވާ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި، ބަނދަރުތަކާއި، މަތިންދާބޯޓާއި، ޕޯސްޓުގެ ހިދުމަތާއި، ކޫރިއަރާއި، ށިޕިންގއާއި، މުދާ އުފުލުމާބެހޭ ކަންކަންކުރާ އެޖެންސީތަކާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، ކޯސްޓްގާޑާއި، ދައުލަތާއި، ޕްރޮވިންސްތަކާއި، ލޯކަލް އޮތޯރިޓީތަކުން، ފައިޓޯސެނިޓަރީ އިންސްޕެކްޓަރަކަށް އެކަން އަވަހަށް އަންގައި، އަދި އެތަކެތި ފައިޓޯސެނިޓަރީ އިންސްޕެކްޓަރުގެ ބެލުމުގެ ދަށަށް ގެންދަންދެން ދޫނުކޮށް ބަހައްޓަންވާނެއެވެ.

(ނ) މި މާއްދާގެ (ށ)  ގެ ދަށުން ހިފެހެއްޓޭ ހިފެހެއްޓުން ބެލެވޭނީ އެން.ޕީ.ޕީ.އޯ އިން އަންގައިގެން ކުރާ ކަމެއް ކަމުގައެވެ.

(ރ) މި މާއްދާގެ (ށ)  ގެ ދަށުން ހިފެހެއްޓޭ ތަކެތި ވީ އެންމެ އަވަހަކަށް، އަދި އެތަކެތި ހިފެހެއްޓޭ ދުވަހުން ފެށިގެން ލަސްވެގެން ބަންދުނޫން 1 (އެކެއް)  ދުވަހުގެތެރޭގައި،  އެން.ޕީ.ޕީ.އޯ ގެ ބެލުމުގެ ދަށަށް ގެންދަންވާނެއެވެ.

 

6 ވަނަ ބާބު

އެކްސްޕޯޓްކުރުމާއި، ރީއެކްސްޕޯޓްކުރުމާއި ޓްރާންސިޓްގައި ހުރުން

26 ވަނަ މާއްދާ - އެކްސްޕޯޓް ފައިޓޯސެނިޓަރީ ސެޓްފިކެޓް ދޫކުރުން

(ހ) އެކްސްޕޯޓްކުރާ ފަރާތަކުން އެދުމުން، އެން.ޕީ.ޕީ.އޯ އިން ފައިޓޯސެނިޓަރީ ބަލާފާސްކުރުމެއް ހިންގައި އަދި އިމްޕޯޓްކުރެވޭ ގައުމުގެ ފައިޓޯސެނިޓަރީ ށަރުތުތައް ފުރިހަމަކޮށްފައިވާކަމަށް ބަޔާންކުރާ ފައިޓޯސެނިޓަރީ ސެޓްފިކެޓެއް ދޫކުރަންވާނެއެވެ.

(ށ) ފައިޓޯސެނިޓަރީ ސެޓްފިކެޓެއް ދޫކޮށްފިނަމަ، އެކްސްޕޯޓްކުރާ ފަރާތުން ގަވާއިދުގައިވާ ގޮތުގެމަތިން ފީއެއް ދައްކަންވާނެއެވެ.

(ނ) ތަކެތި ބޭރުކުރުމަށް ކަނޑައަޅާފައިވާ ބަނދަރުތައް މެދުވެރިކޮށް އެކްސްޕޯޓްކުރާ ކޮންސައިންމަންޓްތަކުގެ ފައިޓޯސެނިޓަރީ ރައްކާތެރިކަން ގެރެންޓީކުރުމަށް ބޭނުންވާ މިންގަނޑުތައް އެން.ޕީ.ޕީ.އޯ އިން ތަންފީޒުކުރަންވާނެއެވެ.

 

27 ވަނަ މާއްދާ - ރީއެކްސްޕޯޓް ފައިޓޯސެނިޓަރީ ސެޓްފިކެޓް ދޫކުރުން

(ހ) ދިވެހިރާއްޖެއަށް ކޮންސައިންމަންޓެއް އިމްޕޯޓްކުރުމަށްފަހު އެހެން ގައުމަކަށް އެކްސްޕޯޓްކުރާއިރު، އިމްޕޯޓްކުރެވޭ ގައުމުގެ ށަރުތުތައް ފުރިހަމަކޮށްފައިވާކަން އެން.ޕީ.ޕީ.އޯ އަށް ޔަގީންވާނަމަ، ގަވާއިދުގައިވާ ނަމޫނާއާ އެއްގޮތަށް، ރީއެކްސްޕޯޓް ފައިޓޯސެނިޓަރީ ސެޓްފިކެޓެއް އެފަރާތުން ދޫކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ)  ގެ ދަށުން، އެކްސްޕޯޓްކުރާ ގައުމުގެ އެން.ޕީ.ޕީ.އޯ އިން ދޫކޮށްފައިވާ ފައިޓޯސެނިޓަރީ ސެޓްފިކެޓްގެ އަސްލު ނުވަތަ އޭގެ ސައްހަ ކޮޕީއެއް، ރީއެކްސްޕޯޓްކުރެވޭ ކޮންމެ ކޮންސައިންމަންޓަކާއެކު އޮންނަންވާނެއެވެ.

 

28 ވަނަ މާއްދާ - ޓްރާންސިޓްގައިވާ ކޮންސައިންމަންޓް

(ހ) މި މާއްދާގެ (ށ)  ގައިވާ ހާލަތުގައި މެނުވީ، ކޮންސައިންމަންޓެއް ދިވެހިރާއްޖޭގައި ޓްރާންސިޓްކުރާނަމަ، ފައިޓޯސެނިޓަރީ ސެޓްފިކެޓެއް ނުވަތަ ރީއެކްސްޕޯޓް ފައިޓޯސެނިޓަރީ ސެޓްފިކެޓެއް ބޭނުމެއް ނުވާނެއެވެ.

(ށ) ޓްރާންސިޓްގައިވާ ކޮންސައިންމަންޓެއްގައި ރެގިއުލޭޓްކުރެވޭ ޕެސްޓެއް އަށަގަނެދާނެކަމަށް އެން.ޕީ.ޕީ.އޯ އަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރިނަމަ، ނުވަތަ އެކްސްޕޯޓްކުރެވޭ ނުވަތަ އިމްޕޯޓްކުރެވޭ ގައުމުން އެދިއްޖެނަމަ، އެން.ޕީ.ޕީ.އޯ އިން ކަމަށް އެކަށޭނަ ފައިޓޯސެނިޓަރީ މިންގަނޑުތައް ގާއިމުކޮށް، އިމްޕޯޓްކުރުމަށް ފުރިހަމަވާންޖެހޭ ށަރުތުތައް ކޮންސައިންމަންޓްތަކުގައި ފުރިހަމަވާކަމަށް ގަބޫލުކުރެވުމުން، މި ގާނޫނުގެ 26 ވަނަ މާއްދާއާއި، 27 ވަނަ މާއްދާގެ ދަށުން ފައިޓޯސެނިޓަރީ ސެޓްފިކެޓެއް ދޫކުރެވިދާނެއެވެ.

 

7 ވަނަ ބާބު

ތަންފީޒުކުރުން

29 ވަނަ މާއްދާ - އެހީތެރިކަމާއި އެއްބާރުލުން ދޭންޖެހޭ އިދާރާތައް

ފައިޓޯސެނިޓަރީ އިންސްޕެކްޓަރުންގެ މަސައްކަތްތައް ކުރުމަށާއި، މި ގާނޫނުގެ ދަށުން އިންސްޕެކްޓަރުންނަށް ލިބިފައިވާ ބާރުތަކުގެ ބޭނުންކުރުމަށް، އެން.ޕީ.ޕީ.އޯ އިން އެދޭ އެހީތެރިކަން ދައުލަތުގެ ކަމާބެހޭ އެންމެހާ މުއައްސަސާތަކުން ފޯރުކޮށްދޭންވާނެއެވެ.

 

30 ވަނަ މާއްދާ - ރެގިއުލޭޓްކުރެވޭ ޕެސްޓެއް އުޅޭކަން އެންގުމުގެ ވާޖިބު

ކަރަންޓީންކުރާ ޕެސްޓެއް އުޅޭކަމަށް ށައްކުކުރެވޭ ނުވަތަ އެނގޭ ކޮންމެ ފަރާތަކުން، އެންމެ ކައިރީގައިވާ ފައިޓޯސެނިޓަރީ އިންސްޕެކްޓަރެއް މެދުވެރިކޮށް ނުވަތަ އެކަށީގެންވާ އެހެން ގޮތެއް މެދުވެރިކޮށް އެން.ޕީ.ޕީ.އޯ އަށް ވަގުތުން އަންގަންވާނެއެވެ.

 

31 ވަނަ މާއްދާ – އިސްތިއުނާފުކުރުން

(ހ) ގަސްގަހާގެއްސާއި، ގަހުގެ ބައިތަކުގެ އުފެއްދުންތަކާއި، ރެގިއުލޭޓްކުރެވޭ ތަކެތީގެ ކޮންސައިންޓްމަންޓް ހިފެހެއްޓުމަށް، ނައްތާލުމަށް ނުވަތަ ފަރުވާދިނުމަށް، ފައިޓޯސެނިޓަރީ އިންސްޕެކްޓަރު ނިންމާ ނިންމުމުގެ ސަބަބުން ގެއްލުން ލިބޭ، ބިމުގެ ވެރިފަރާތް، ކޮންވޭޔަންސްގެ ވެރިފަރާތް ނުވަތަ އޮޕަރޭޓަރު، ނުވަތަ އިމްޕޯޓްކުރާ ފަރާތުން، ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން އެން.ޕީ.ޕީ.އޯ ގެ އިސްވެރިޔާއަށް އެ ނިންމުން އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ)  ގެ ދަށުން އެން.ޕީ.ޕީ.އޯ ގެ އިސްވެރިޔާއަށް އިސްތިއުނާފަށް ހުށަހެޅޭ މައްސަލައެއްގައި އެން.ޕީ.ޕީ.އޯ ގެ އިސްވެރިޔާ ނިންމާ ނިންމުމެއްގެ ސަބަބުން، ގެއްލުން ލިބޭ ފަރާތަށް ލިބިގެންވާ ކޯޓަށް ދިއުމުގެ ހައްގަށް އުނިކަމެއް ނާންނާނެއެވެ.

 

8 ވަނަ ބާބު

ކުށްތައް

32 ވަނަ މާއްދާ - ކުށްތައް

(ހ) އެއްވެސް މީހަކު އަމިއްލައަށް، ނުވަތަ ނުސީދާކޮށް އޭނާގެ މުވައްޒަފެއް ނުވަތަ އޭޖެންޓެއް މެދުވެރިކޮށް، ތިރީގައިވާ ކަމެއް ކުރުމަކީ ކުށެކެވެ.

  1. ކަރަންޓީންކުރާ ޕެސްޓެއް އެތަކެތީގައި އަށަގަނެފައި ހުރިކަން އެނގިހުރެ، ގަސްގަހާގެހި، ގަހުގެ ބައިތަކުގެ އުފެއްދުންތައް، ނުވަތަ ރެގިއުލޭޓްކުރެވޭ ތަކެތި އެއްވެސް ގޮތަކަށް ހެއްދުމާއި، އަތުގައި ބެހެއްޓުމާއި، ވިއްކުމާއި، ވިއްކުމަށް ހުށަހެޅުމާއި، އެއްތަނުން އަނެއްތަނަށް ގެންދިޔުމާއި، ފޯރުކޮށްދިނުން؛
  2. މި ގާނޫނުގެ ދަށުން ލިބިފައިވާ ބާރުތަކުގެ ދަށުން މަސައްކަތްކުރާ އެއްވެސް ފައިޓޯސެނިޓަރީ އިންސްޕެކްޓަރަކާމެދު މާރާމާރީ ހިންގުން، އެއްބާރުލުން  ނުދިނުން، ހުރަސްއެޅުން، ނުވަތަ ބިރުދެއްކުން؛
  3. މި ގާނޫނުގެ ދަށުން ކުރެވޭ އަމުރެއް ނުވަތަ އަންގާ އެންގުމަކާ އެއްގޮތަށް އަމަލުނުކުރުން؛
  4. ތަކެތި އެތެރެކުރުމަށް މިނިސްޓަރު ކަނޑައަޅާފައިވާ ބަނދަރަކުން މެނުވީ، ގަސްގަހާގެހި، ގަހުގެ ބައިތަކުގެ އުފެއްދުންތައް، ނުވަތަ ރެގިއުލޭޓްކުރެވޭ ތަކެތި ދިވެހިރާއްޖެއަށް އިމްޕޯޓްކުރުން؛
  5. ގަސްގަހާގެހި، ގަހުގެ ބައިތަކުގެ އުފެއްދުންތައް، ނުވަތަ ރެގިއުލޭޓްކުރެވޭ  ތަކެތި،
    މި ގާނޫނުގައި ކަނޑައަޅާފައިވާ އެހެން އެއްވެސް ށަރުތަކާ ހިލާފަށް ދިވެހިރާއްޖެއަށް އިމްޕޯޓްކުރުން؛
  6. ކަރަންޓީންކުރާ އެއްވެސް ޕެސްޓެއް ގަސްދުގައި ދިވެހިރާއްޖެއަށް ތައާރުފުކުރުން ނުވަތަ ފެތުރުން، ނުވަތަ ގަސްދުގައި އެއިންކަމެއް ވިޔަދިނުން؛
  7. ގަސްގަހާގެހި، ގަހުގެ ބައިތަކުގެ އުފެއްދުންތައް، ނުވަތަ ރެގިއުލޭޓްކުރެވޭ  ތަކެތި،
    މި ގާނޫނުގެ 6 ވަނަ ބާބުގައިވާ ގޮތަށް މެނުވީ އެކްސްޕޯޓްކުރުން؛
  8. މި ގާނޫނުގެ 26 ވަނަ މާއްދާގެ (ހ)  ގެ ދަށުން ފައިޓޯސެނިޓަރީ ސެޓްފިކެޓެއް ދޫކުރެވުމަށްފަހު، ކޮންސައިންމަންޓްގެ ފައިޓޯސެނިޓަރީ ރައްކާތެރިކަން ނުބެލެހެއްޓުން؛
  9. މި ގާނޫނުގެ ދަށުން ހުއްދަ ލިބިފައިވާ ގޮތުގެމަތިން ބަލާފާސްކުރުމަށާއި ސާމްޕަލް ނެގުމަށް ހުއްދަ ނުދިނުން؛
  10. ފައިޓޯސެނިޓަރީ އިންސްޕެކްޓަރަކާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އޮފިސަރެއްގެ ހާޒިރުގައި މެނުވީ، ގަސްގަހާގެހި، ގަހުގެ ބައިތަކުގެ އުފެއްދުންތައް، ނުވަތަ ރެގިއުލޭޓްކުރެވޭ ތަކެތި ހުރި ކޮންސައިންމަންޓެއްގެ ސީލް ކެނޑުން؛
  11. މި ގާނޫނުގެ ދަށުން އެއްވެސް ލިޔުމެއް ހޯދުމަށްޓަކައި ގަސްދުގައި ނުވަތަ ފަރުވާތެރިނުވެ ދޮގު މައުލޫމާތު ދިނުން؛
  12. މި ގާނޫނުގެ ދަށުން ދޫކުރެވޭ އެއްވެސް ލިޔުމެއް ބަދަލުކުރުން، ފޯޖުކުރުން، ހަލާކުކުރުން ނުވަތަ ނައްތާލުން.

(ށ) ފައިޓޯސެނިޓަރީ އިންސްޕެކްޓަރަކު ތިރީގައިވާ ކަމެއް ކުރުމަކީ ކުށެކެވެ.

  1. ސީދާކޮށް ނުވަތަ ނުސީދާކޮށް ވިޔަސް، އޭނާގެ ރަސްމީ ވާޖިބު އަދާކުރުމާ ގުޅޭގޮތުން އަމިއްލަ ބޭނުމަށް އެއްވެސް ފައިސާއެއް ނުވަތަ ހަދިޔާއެއް ދިނުމަށް ބުނުން ނުވަތަ އެފަދަ އެއްވެސް އެއްޗެއް ބަލައިގަތުން؛
  2. މި ގާނޫނުގެ ދަށުން އަދާކުރަންޖެހޭ ރަސްމީ ވާޖިބުތަކާ ހިލާފަށް ނުވަތަ ދިވެހިރާއްޖޭގެ ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ކުރުމަށް އެއްބަސްވުން، ނުކޮށް ދޫކޮށްލުން، ހުއްދަކުރުން، ފޮރުވުން، ނުވަތަ ރޭވުން؛
  3. ރަސްމީ ވާޖިބު އަދާކުރުމުގައި އެއްވެސް މީހެއް، ފަރމެއް، ނުވަތަ ވިޔަފާރިއަކާ ގުޅޭގޮތުން ލިބޭ އެއްވެސް މައުލޫމާތެއް، އޭނާގެ ރަސްމީ ވާޖިބު އަދާކުރުމުގެ ތެރޭގައި ސުޕަވައިޒަރުގެ އެންގުމުގެ މަތިން، ނުވަތަ ކޯޓު އަމުރެއްގެ ދަށުން މެނުވީ ހާމަކުރުން.

 

33 ވަނަ މާއްދާ – އަދަބުތައް

(ހ) މި ގާނޫނުގެ ދަށުން ކުށެއްކަމަށް ކަނޑައަޅާފައިވާ ކަމެއް ކޮށްފި މީހެއްގެ އަދަބަކީ:

  1. މި ގާނޫނުގެ ދަށުން ކުށެއް ސާބިތުވި ފުރަތަމަ ފަހަރުނަމަ 3،000 (ތިންހާސް)  ރުފިޔާ އިން ޖޫރިމަނާ ކުރުން؛
  2. މި ގާނޫނުގެ ދަށުން ކުށެއް ސާބިތުވި ދެވަނަ ފަހަރުނަމަ 6،000 (ހަހާސް)  ރުފިޔާ އިން ޖޫރިމަނާ ކުރުން.

(ށ) މި ގާނޫނުގެ ދަށުން ކަނޑައަޅާ އެހެނިހެން އަދަބުގެ އިތުރުން، މި ގާނޫނުގެ ދަށުން މީހެއްގެ މައްޗަށް ކުށެއް ސާބިތުވިކަމަށް ކަނޑައަޅައި ހުކުމްކުރާ ގާޒީއަށް ނުވަތަ މެޖިސްޓްރޭޓަށް ތިރީގައިވާ އަމުރުތައް ނެރެވިދާނެއެވެ.

  1. ކުށުގެ އަމަލު ހިންގުމުގައި ބޭނުންކުރި ތަކެތި ސަރުކާރަށް ނެގުން؛ އަދި
  2. ގަސްގަހާގެހީގެ ސިއްހަތަށް ނުވަތަ ތިމާވެއްޓަށް ނުރައްކާވާފަދަ ކުށެއް ގަސްދުގައި ކޮށްފި މީހަކީ، 6 (ހައެއް)  މަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް، ގަސްގަހާގެހި، ގަހުގެ ބައިތަކުގެ އުފެއްދުންތައް، ނުވަތަ ރެގިއުލޭޓްކުރެވޭ ތަކެތި އެތެރެކުރުމުގެ ހުއްދައަކަށް ނުވަތަ ލައިސަންސަކަށް އެދި ހުށަހެޅުމަށް އެކަށީގެންނުވާ ފަރާތެއްކަމަށް ކަނޑައެޅުން.

(ނ) މި ގާނޫނުގެ ދަށުން ކުށެއްކަމަށް ކަނޑައަޅާފައިވާ ކަމެއް ފައިޓޯސެނިޓަރީ އިންސްޕެކްޓަރަކު ކޮށްފިނަމަ އެމީހެއްގެ އަދަބަކީ:

  1. މި ގާނޫނުގެ ދަށުން ކުށެއް ސާބިތުވި ފުރަތަމަ ފަހަރުނަމަ 5,000 (ފަސްހާސް)  ރުފިޔާއިން ޖޫރިމަނާކުރުން؛
  2. މި ގާނޫނުގެ ދަށުން ކުށެއް ސާބިތުވި ދެވަނަ ފަހަރުނަމަ، 10,000 (ދިހަހާސް)  ރުފިޔާއިން ޖޫރިމަނާކުރުން.

 

9 ވަނަ ބާބު

އާންމު މާއްދާތައް

34 ވަނަ މާއްދާ - ގަވާއިދު ހެދުމާއި، ގާނޫނު ތަންފީޒުކުރުމަށް ބޭނުންވާ މިންގަނޑުތައް ކަނޑައެޅުމަށް މިނިސްޓަރަށް ލިބިދީފައިވާ ބާރު

(ހ) މި ގާނޫނުގެ މަގްސަދުތައް ހާސިލްކުރުމަށްޓަކައި ހަދަންޖެހޭކަމަށް ފެންނަ ގަވާއިދުތަކާއި، އަމުރުތަކާއި، ޖަދުވަލުތަކާއި، ނޯޓިސްތައް ނެރުމާއި، އިސްލާހުކުރުމާއި، އުވާލުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ)  އަށް އުނިކަން ނާންނަގޮތުގެމަތިން، އެން.ޕީ.ޕީ.އޯ ނުވަތަ ގަސްގަހާގެހި ހިމާޔަތްކުރުމާބެހޭގޮތުން ލަފާދޭ ބޯޑުގެ ލަފާގެމަތިން ގަވާއިދުތަކާއި، އަމުރުތަކާއި، ޖަދުވަލުތަކާއި، ނޯޓިސްތަކާއި، މެނުއަލްތަކުގައި، ހާއްސަކޮށް ތިރީގައިވާ އެންމެހައި ކަންކަން ނުވަތަ އެއިން ބައެއް ކަންކަން މިނިސްޓަރަށް ހިމެނިދާނެއެވެ.

  1. ފައިޓޯސެނިޓަރީ ސަރވޭލަންސާއި، ހޯދުންތަކާއި، ބަލާފާސްކުރުމުގެ އިޖުރާއަތުތަކާއި، އެހެނިހެން ފައިޓޯސެނިޓަރީ ޕްރޮގްރާމްތައް؛
  2. ކޮންސައިންމަންޓްތައް ދިވެހިރާއްޖެއަށް އެތެރެކުރުމަށްޓަކައި، ތަކެތި އެތެރެކުރުމަށް ބަނދަރުތައް ކަނޑައެޅުން؛
  3. މި ގާނޫނުގެ ދަށުން ދޫކުރެވޭ ހުއްދަތަކާއި ސެޓްފިކެޓްތައް ދޫކުރުމުގެ އިޖުރާއަތާއި،
    އެ ލިޔުންތައް ހުންނަންވާނެގޮތާއި، ހިމަނަންޖެހޭ ކަންކަމާއި، ލިޔެފައި އޮންނަންވީ ބަސް؛
  4. ޕެސްޓް ނެތް ސަރަހައްދު ނުވަތަ ޕެސްޓް މަދުން އުޅޭ ސަރަހައްދު  ކަނޑައެޅުމުގައި އަމަލުކުރަންވީ ގޮތް؛
  5. ކޮންސައިންމަންޓް އެކްސްޕޯޓްކުރުމުގައި ފުރިހަމަކުރަންޖެހޭ ށަރުތުތައް؛
  6. މި ގާނޫނުގެ ދަށުން ފައިޓޯސެނިޓަރީ އިންސްޕެކްޓަރުން ކުރާ ކަންކަން އިސްތިއުނާފުކުރުމުގައި އަމަލުކުރަންވީ އިޖުރާއަތުތައް؛
  7. މި ގާނޫނުގެ 23 ވަނަ މާއްދާގެ (ށ)  ގެ ދަށުން، ކޮންސައިންމަންޓްތައް އެތަކެތި ގެންދެވޭ އެންމެފަހުގެ މަންޒިލުގައި ބަލާފާސްކުރެވިދާނެ ށަރުތުތައް؛
  8. މި ގާނޫނުގެ 24 ވަނަ މާއްދާގެ (ރ)  ގެ ދަށުން ކޮންސައިންމަންޓްތައް ނައްތާނުލައި ބެހެއްޓޭނެ އެންމެ ދިގު މުއްދަތު؛
  9. މި ގާނޫނުގެ 31 ވަނަ މާއްދާގެ ދަށުން އިސްތިއުނާފުކުރުމުގައި އަމަލުކުރަންވީ އިޖުރާއަތުތައް؛
  10. މި ގާނޫނުގެ ދަށުން ބަލާފާސްކުރުމަށާއި ދެވޭ ހިދުމަތްތަކަށް ދައްކަންޖެހޭ ފީ؛
  11. ގަވާއިދުގައިވާ ގޮތުގެމަތިން، މި މާއްދާގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ އިތުރުން،  މި ގާނޫނުގެ ދަށުން އެހެނިހެން ފައިޓޯސެނިޓަރީ ފިޔަވަޅުތައް ތަންފީޒުކުރުމުގެ އިޖުރާއަތުތައް.

 

35 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

36 ވަނަ މާއްދާ – މާނަކުރުން

މި ގާނޫނުގައި އެ އިބާރާތެއް ބޭނުންކޮށްފައި އޮތްގޮތުން ކަނޑައެޅިގެން އެހެންގޮތަކަށް ދޭހަނުވާނަމަ:

 "ސަރަހައްދު" ކަމަށް ބުނެފައިއެވަނީ، ބިމާއި ކަނޑު ހިމެނޭގޮތުން، ރަސްމީކޮށް ދިވެހިރާއްޖޭގެ ސަރަހައްދުކަމަށް ކަނޑައަޅާފައިވާ ސަރަހައްދުގެ ތެރެއިން ބަޔަކަށެވެ.

"ޕެސްޓް މަދުން އުޅޭ ސަރަހައްދު" ކަމަށް ބުނެފައިއެވަނީ، ވަކި ބާވަތެއްގެ ޕެސްޓެއް މަދު މިންވަރަކަށް އުޅޭ، އަދި އެކަން ބަލައި، ކޮންޓްރޯލްކޮށް، ނައްތާލުމުގެ ފިޔަވަޅުތައް އަޅަންޖެހޭ، ދިވެހިރާއްޖޭގެ ބަޔަކަށް ނުވަތަ މުޅި ދިވެހިރާއްޖެއަށެވެ.

"ބަޔޮލޮޖިކަލް ކޮންޓްރޯލް އޭޖެންޓް" ކަމަށް ބުނެފައިއެވަނީ، ޕެސްޓްގެ ގުދުރަތީ ހަތުރުންނާއި، އެއާ ވާދަކުރާ، ނުވަތަ ދެކޮޅު، ނުވަތަ އެނޫންވެސް ޕެސްޓް ކޮންޓްރޯލްކުރުމަށް ބޭނުންކުރެވޭ އޯގަނިޒަމަށެވެ.

"ބޯޑު" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ 7 ވަނަ މާއްދާގެ ދަށުން ގާއިމުކޮށްފައިވާ ގަސްގަހާގެހި ހިމާޔަތްކުރުމަށް ލަފާދޭ ބޯޑަށެވެ.

"ކޮންސައިންމަންޓް" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖެއަށް އިމްޕޯޓްކުރެވޭ ނުވަތަ ދިވެހިރާއްޖެއިން އެހެން ގައުމަކަށް އެކްސްޕޯޓްކުރެވޭ، އަދި ފައިޓޯސެނިޓަރީއެއް ސެޓްފިކެޓް ދޫކުރެވިފައިވާ ގަސްގަހާގެއްސާއި، ގަހުގެ ބައިތަކުގެ އުފެއްދުންތަކާއި، އަދި/ނުވަތަ ރެގިއުލޭޓްކުރެވޭ ތަކެތީގެ މިންވަރަކަށެވެ. (އެއްބާވަތަށްވުރެ ގިނަ ބާވަތުގެ މުދާ ނުވަތަ ގިނަ ބާވަތްތަކެއްގެ މުދަލުގެ މައްޗަށް ކޮންސައިންމަންޓެއް އެކުލެވިދާނެއެވެ.)

"ޓްރާންސިޓްގައިވާ ކޮންސައިންމަންޓް" ކަމަށް ބުނެފައިއެވަނީ، ފައިޓޯސެނިޓަރީ މިންގަނޑުތައް އެމައްޗަށް ހިނގާ، ދިވެހިރާއްޖެއަށް އިމްޕޯޓްނުކޮށް ދިވެހިރާއްޖޭގެ ސަރަހައްދުގެ ތެރެއިން ގެންދެވޭ ކޮންސައިންމަންޓްތަކަށެވެ.

"ކޮންޓްރޯލް" ކަމަށް ބުނެފައިއެވަނީ، ޕެސްޓްގެ އާބާދީއެއް އިތުރުވިޔަނުދީ ހިފެހެއްޓުމަށާއި، މަދުކުރުމަށާއި، ނައްތާލުމަށެވެ.

"ކޮންވޭޔަންސް" ކަމަށް ބުނެފައިއެވަނީ، ގަސްގަހާގެހި، ގަހުގެ ބައިތަކުގެ އުފެއްދުންތައް، ޕެސްޓް، ފަސް، ނުވަތަ ރެގިއުލޭޓްކުރެވޭ ތަކެތި އެއްތަނުން އަނެއްތަނަށް ގެންދިޔުމަށް ބޭނުންކުރެވޭ ކަނޑުގައި ދުއްވާ އުޅަނދު، މަތިންދާބޯޓު، ރޭލު، އެއްގަމު އުޅަނދު، ގާޑިޔާ، ފޮށިގަނޑު، ޖަނަވާރު ނުވަތަ އެހެނިހެން ތަކެއްޗަށެވެ.

"ހިފެހެއްޓުން" ކަމަށް ބުނެފައިއެވަނީ، ފައިޓޯސެނިޓަރީ މިންގަނޑެއްގެ ގޮތުން ރަސްމީކޮށް ކޮންސައިންމަންޓެއް އެކަހެރިކުރުމަށް ނުވަތަ ހިފެހެއްޓުމަށެވެ.

"އިމަޖެންސީ ފިޔަވަޅު" ކަމަށް ބުނެފައިއެވަނީ، އައު ނުވަތަ ހީނުކުރާފަދަ ފައިޓޯސެނިޓަރީ ހާލަތެއްގައި އަޅާ އަވަސް ފައިޓޯސެނިޓަރީ ފިޔަވަޅަށެވެ.

"ނުރައްކާފޯރާފައިވާ ސަރަހައްދު" ކަމަށް ބުނެފައިއެވަނީ، އިގްތިސާދީގޮތުން ބޮޑު ގެއްލުމެއް ލިބޭނެ ޕެސްޓެއް އާލާވާފަދަ ހާލަތެއްގައި ގުދުރަތީގޮތުންވާ ސަރަހައްދުތަކަށެވެ.

"އެކްސްޕޯޓް" ކަމަށް ބުނެފައިއެވަނީ، އެއް ގައުމުން އަނެއް ގައުމަށް ބޭރުކުރުމަށެވެ.

"ސަރުކާރުގެ އިދާރާ" ކަމަށް ބުނެފައިއެވަނީ، ސަރުކާރުގެ މިނިސްޓްރީތަކާއި، ޑިޕާޓްމަންޓްތަކާއި، އޮތޯރިޓީތަކަށެވެ. އަދި މި މާނައިގައި ހިއްސާގެ އަގުލަބިއްޔަތު ސަރުކާރަށް ލިބިގެންވާ ޕްރައިވެޓް ކުންފުނި ހިމެނެއެވެ.

"ފައިޓޯސެނިޓަރީ އިމްޕޯޓް ހުއްދަ" ކަމަށް ބުނެފައިއެވަނީ، އިމްޕޯޓްކުރުމުގައި ފުރިހަމަކުރަންޖެހޭ ފައިޓޯސެނިޓަރީ ށަރުތުތަކާ އެއްގޮތްވާ ގޮތުގެމަތިން މުދާ އިމްޕޯޓްކުރުމުގެ ހުއްދަ ދިނުމުގެ ގޮތުން ދޫކުރެވޭ ރަސްމީ ލިޔުމަކަށެވެ.

"އިމްޕޯޓް" ކަމަށް ބުނެފައިއެވަނީ، ބޭރު ގައުމަކުން ދިވެހިރާއްޖެއަށް އެތެރެކުރުމަށެވެ.

"އިމްޕޯޓްކުރާ ފަރާތް" ކަމަށް ބުނެފައިއެވަނީ، ވެރިފަރާތް، ކޮންސައިނަރ، ކޮންސައިނީ، އޭޖެންޓް، ބްރޯކަރ، ނުވަތަ އެހެން ހައިސިއްޔަތަކުންވިޔަސް، އެހެން ގައުމަކުން ދިވެހިރާއްޖެއަށް ގެނެވޭ ނުވަތަ ގެނައުން ގާތް ގަސްގަހާގެހި، ގަހުގެ ބައިތަކުގެ އުފެއްދުންތައް، ނުވަތަ ރެގިއުލޭޓްކުރެވޭ ތަކެއްޗާ އެވަގުތަކު ހަވާލުވެހުރި ނުވަތަ އެތަކެތީގެ މައްޗަށް ބާރުފޯރުވޭ ފަރާތަށެވެ.

"އަށަގަތުން" ކަމަށް ބުނެފައިއެވަނީ، ގަސްގަހާގެއްސާއި، ގަހުގެ ބައިތަކުގެ އުފެއްދުންތަކުގެ ދިރިހުރި ޕެސްޓެއް އެއްވެސް އެއްޗެއްގައި ހުރުމަށެވެ. މި މާނައިގައި އިންފެކްށަން ހިމެނެއެވެ.

"ބަލާފާސްކުރުން" ކަމަށް ބުނެފައިއެވަނީ، ޕެސްޓް ހުރިތޯ ނުވަތަ ފައިޓޯސެނިޓަރީ ގަވާއިދުތަކާ އެއްގޮތަށް އަމަލުކޮށްފައިވޭތޯ ކަނޑައެޅުމުގެ ގޮތުން ގަސްގަހާގެއްސާއި، ގަހުގެ ބައިތަކުގެ އުފެއްދުންތަކާއި، ރެގިއުލޭޓްކުރެވޭ ތަކެތި ރަސްމީކޮށް ބެލުމަށެވެ.

"ފައިޓޯސެނިޓަރީ އިންސްޕެކްޓަރު" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ ދަށުން ކަނޑައަޅައި ނުވަތަ އައްޔަންކޮށް، އަދި އެން.ޕީ.ޕީ.އޯ އިން އެތަނުގެ މަސައްކަތްތައް ކުރުމަށް ހުއްދަ ދީފައިވާ ފަރާތަކަށެވެ.

"އައި.ޕީ.ޕީ.ސީ" ކަމަށް ބުނެފައިއެވަނީ، އެންމެ ފަހުން އިސްލާހުކުރެވިފައިވާ "އިންޓަރނޭށަނަލް ޕްލާންޓް ޕްރޮޓެކްށަން ކޮންވެންށަން" މި މުއާހަދާއަށެވެ.

"އައި.ޕީ.ޕީ.ސީ ސެކްރެޓޭރިއެޓް" ކަމަށް ބުނެފައިއެވަނީ، "އިންޓަރނޭށަނަލް ޕްލާންޓް ޕްރޮޓެކްށަން ކޮންވެންށަން" އިން ގާއިމުކޮށްފައިވާ، އެ މުއާހަދާގެ ސެކްރެޓޭރިއެޓަށެވެ.

"މިނިސްޓަރު" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގައި ދަނޑުވެރިކަމާބެހޭ ކަންކަން ހިންގުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރު، ނުވަތަ އޭނާގެ މަސްއޫލިއްޔަތު ރައީސުލްޖުމްހޫރިއްޔާ ހަވާލުކޮށްފައިވާ ފަރާތަށެވެ.

"ނޭށަނަލް ޕްލާންޓް ޕްރޮޓެކްށަން އޯގަނައިޒޭށަން" ނުވަތަ "އެން.ޕީ.ޕީ.އޯ" ކަމަށް ބުނެފައިއެވަނީ،
މި ގާނޫނުގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި މި ގާނޫނުގެ 4 ވަނަ މާއްދާގެ ދަށުން މިނިސްޓަރު ކަނޑައަޅާފައިވާ އިދާރާ، ނުވަތަ ބޭރު ގައުމެއްގެ އެއާ އެއްފަދަ އިދާރާއަށެވެ.

"އޯގަނިޒަމް" ކަމަށް ބުނެފައިއެވަނީ، ގުދުރަތީގޮތުން ހުންނަ ހާލަތުގައި ދަރިފަސްކޮޅު އާލާކުރުމުގެ ގާބިލުކަން ލިބިފައިވާ ދިރޭތަކެއްޗަށެވެ.

"ރަސްމީ" ކަމަށް ބުނެފައިއެވަނީ، އެން.ޕީ.ޕީ.އޯ އިން ނުވަތަ ސަރުކާރުގެ އިދާރާއަކުން ކުރާ، ގާއިމުކުރާ ނުވަތަ ހުއްދަކުރާ ކަންކަމަށެވެ.

ގަސްގަހާގެއްސާއި، ގަހުގެ ބައިތަކުގެ އުފެއްދުންތަކާއި، ރެގިއުލޭޓްކުރެވޭ ތަކެއްޗާއި، އިމާރާތާ ގުޅޭގޮތުން "ވެރިފަރާތް" ކަމަށް ބުނެފައިއެވަނީ، އެވަގުތަކު އެތަކެއްޗާ ނުވަތަ ތަނާ ހަވާލުވެހުރި ނުވަތަ އެތަކެތީގެ ނުވަތަ ތަނުގެ މައްޗަށް ބާރުފޯރުވޭ ފަރާތް ހިމެނޭގޮތުންނެވެ.

"ބަންދުކުރުމަށް ބޭނުންކުރެވޭ ތަކެތި" ކަމަށް ބުނެފައިއެވަނީ، މުދަލެއް ރައްކާތެރިކުރުމަށް ނުވަތަ އުފުލުމަށް ބޭނުންކުރެވޭ ތަކެއްޗަށެވެ.

"މީހުން" ކަމަށް ބުނެފައިއެވަނީ، ތަބީއީ ށަހުސުތަކާއި ގާނޫނީ ށަހުސުތަކަށެވެ.

"ޕެސްޓް" ކަމަށް ބުނެފައިއެވަނީ، ގަސްގަހާގެއްސަށް ނުވަތަ ގަހުގެ ބައިތަކުގެ އުފެއްދުންތަކަށް ގެއްލުންދޭ ގަހުގެ ބާވަތް، ޖަނަވާރު، ނުވަތަ ބަލި ފަތުރާ އެހެނިހެން ތަކެއްޗަށެވެ. މި މާނައިގެ ތެރޭގައި ސީ.ބީ.ޑީ ގައި މާނަކޮށްފައިވާ "އިންވޭސިވް އޭލިއަން ސްޕީށީސް" ހިމެނެއެވެ.

"ޕެސްޓް ނެތް ސަރަހައްދު" ކަމަށް ބުނެފައިއެވަނީ، ވަކި ޕެސްޓެއް ނޫޅޭކަމަށް ސައިންސް ހެކިދޭ، އަދި އެ ހާލަތުގައި ދަމަހައްޓަމުން ގެންދާ ސަރަހައްދަކަށެވެ.

"ޕެސްޓްގެ ނުރައްކާތެރިކަމުގެ ދިރާސާ" ކަމަށް ބުނެފައިއެވަނީ، ވަކި އޯގަނިޒަމަކީ ޕެސްޓެއްތޯ ކަނޑައެޅުމަށާއި، އެ ޕެސްޓް ރެގިއުލޭޓް ކުރަންޖެހޭތޯއާއި، އެއާ ދެކޮޅަށް ކަނޑައަޅަންޖެހޭ ފައިޓޯސެނިޓަރީ މިންގަނޑުތަކުގެ ވަރުގަދަކަން ކަނޑައެޅުމުގެ ގޮތުން ގުދުރަތީ، ނުވަތަ ސައިންސާއި އިގްތިސާދީ ހެކި ދިރާސާކުރުމަށެވެ.

"ފައިޓޯސެނިޓަރީ ފިޔަވަޅު" ކަމަށް ބުނެފައިއެވަނީ، ބަލާފާސްކުރުމާއި، ޓެސްޓުތައް ހެދުމާއި، ފަރުވާދިނުންފަދަ، ފައިޓޯސެނިޓަރީ މިންގަނޑުތައް ތަންފީޒުކުރުމަށްޓަކައި ކުރާ ރަސްމީ ކަންކަމަށެވެ.

"ފައިޓޯސެނިޓަރީ ސެޓްފިކެޓް" ކަމަށް ބުނެފައިއެވަނީ، އައި.ޕީ.ޕީ.ސީ ގެ ނަމޫނާ ސެޓްފިކެޓާ އެއްގޮތްވާ ގޮތުގެމަތިން ދޫކުރެވޭ ސެޓްފިކެޓަށެވެ.

"ފައިޓޯސެނިޓަރީ އިމްޕޯޓް ށަރުތުތައް" ކަމަށް ބުނެފައިއެވަނީ، އެ ގައުމަކަށް އެތެރެކުރާ ކޮންސައިންމަންޓްތަކާ ގުޅިގެން، ތަކެތި އިމްޕޯޓްކުރާ ގައުމުން ނުވަތަ އެން.ޕީ.ޕީ.އޯ އިން ގާއިމުކޮށްފައިވާ ފައިޓޯސެނިޓަރީ މިންގަނޑުތަކަށެވެ.

"ފައިޓޯސެނިޓަރީ މިންގަނޑު" ކަމަށް ބުނެފައިއެވަނީ، ކަރަންޓީންކުރާ ޕެސްޓް ތައާރުފުވުމާއި އަދި/ނުވަތަ ފެތުރުން ހުއްޓުވުމުގެ މަގްސަދުގައި ނުވަތަ ރެގިއުލޭޓްކުރެވޭ ކަރަންޓީންނުކުރާ ޕެސްޓްގެ ސަބަބުން އިގްތިސާދީގޮތުން ކުރާ އަސަރު ކުޑަކުރުމުގެ މަގްސަދުގައި ހަދާ ގާނޫނާއި ގަވާއިދަށެވެ.

"ފައިޓޯސެނިޓަރީ ރައްކާތެރިކަން" ކަމަށް ބުނެފައިއެވަނީ، އެކަށީގެންވާ ފައިޓޯސެނިޓަރީ މިންގަނޑުތައް ބޭނުންކޮށްގެން ކޮންސައިންމަންޓެއްގެ ރައްކާތެރިކަން ދެމެހެއްޓުމާއި، ރެގިއުލޭޓްކުރެވޭ ޕެސްޓުން ތަގައްޔަރުވުން ނުވަތަ އޭގައި އަށަގަތުން ހުއްޓުވުމަށެވެ.

"ގަސްގަހާގެހި" ކަމަށް ބުނެފައިއެވަނީ، ގަހުގެ އޮށް ހިމެނޭގޮތުން، ދިރޭ ގަހާއި ގަހުގެ ބައިތަކަށެވެ.

"ގަހުގެ ބައިތަކުގެ އުފެއްދުންތައް" ކަމަށް ބުނެފައިއެވަނީ، ގަހުގެ ބައިތައް ބޭނުންކޮށްގެން އޭގެ އަސްލަށް ބަދަލެއް ނުގެނެސް ހަދާ ތަކެއްޗާއި (ގޮވާން ހިމެނޭގޮތުން) ، އަދި ތަކެތި އުފައްދާ ގޮތުގެ ސަބަބުން ޕެސްޓް ތައާރުފުވުމަށާއި ފެތުރުމުގެ ނުރައްކާ އޮތް އުފެއްދުންތަކަށެވެ.

"ތަކެތި އެތެރެކުރުމަށް ކަނޑައަޅާ ބަނދަރު" ކަމަށް ބުނެފައިއެވަނީ، ކޮންސައިންމަންޓް އެތެރެކުރުމަށާއި މީހުން އެތެރެވުމަށް މިނިސްޓަރު ކަނޑައަޅާފައިވާ ވައިގެބަނދަރާއި، ކަނޑުގެ ބަނދަރާއި، ހާބަރާއި، ޖެޓީއަށެވެ.

"އިމާރާތާއި ގޯތި" ކަމަށް ބުނެފައިއެވަނީ، ގަސްގަހާގެއްސާއި، ގަހުގެ ބައިތަކުގެ އުފެއްދުންތަކާއި، ރެގިއުލޭޓްކުރެވޭ ތަކެތި ބެހެއްޓުމާއި، އެއްތަނުން އަނެއްތަނަށް ގެންދިޔުމާއި، ހެއްދުމަށް، އެއްކޮށް ނުވަތަ ބައެއް ބޭނުންކުރާ ބިން، ފެންރައްކާކުރާ ތަންތަން، އިމާރާތް، ގުދަން، ކޮންޓޭނަރު، ކޮންވޭޔަންސް، ނުވަތަ ބިމުގައި ނުވަތަ ކަނޑުގައި ހަދާފައިވާ އެހެނިހެން ތަންތަނަށެވެ.

"ކަރަންޓީންކުރުން" ކަމަށް ބުނެފައިއެވަނީ، ގަސްގަހާގެއްސާއި، ގަހުގެ ބައިތަކުގެ އުފެއްދުންތަކާއި، ރެގިއުލޭޓްކުރެވޭ ތަކެތި ބަލައި ދިރާސާކުރުމަށް، ނުވަތަ އިތުރަށް ބަލާފާސްކޮށް ޓެސްޓުކޮށް އަދި/ނުވަތަ ފަރުވާދިނުމަށްޓަކައި ރަސްމީކޮށް ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށެވެ.

"ކަރަންޓީންކުރެވޭ ސަރަހައްދު" ކަމަށް ބުނެފައިއެވަނީ، ކަރަންޓީންކުރާ ޕެސްޓެއް އުޅޭ، އަދި ރަސްމީކޮށް ކޮންޓްރޯލްކުރަމުންގެންދާ ސަރަހައްދަކަށެވެ.

"ކަރަންޓީންކުރާ ޕެސްޓް" ކަމަށް ބުނެފައިއެވަނީ، ނުރައްކާފޯރާފައިވާ ސަރަހައްދަށް އިގްތިސާދީގޮތުން ބޮޑު ގެއްލުމެއް ލިބޭފަދަ، އެ ސަރަހައްދުގައި އަދި ނޫޅޭ، ނުވަތަ މަދު މިންވަރަކަށް އުޅޭ އަދި ރަސްމީކޮށް ކޮންޓްރޯލްކުރަމުންގެންދާ ޕެސްޓަށެވެ.

"ކަރަންޓީންކުރާ ސްޓޭށަން" ކަމަށް ބުނެފައިއެވަނީ، ގަސްގަހާގެއްސާއި، ގަހުގެ ބައިތަކުގެ އުފެއްދުންތަކާއި، ރެގިއުލޭޓްކުރެވޭ ތަކެތި ކަރަންޓީންކޮށްފައި ބެހެއްޓޭ ރަސްމީ ތަނަކަށެވެ.

"ރީއެކްސްޕޯޓް ފައިޓޯސެނިޓަރީ ސެޓްފިކެޓް" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ހިމަނާފައިވާ ސެޓްފިކެޓަށެވެ.

"ރެގިއުލޭޓްކުރެވޭ ތަކެތި" ކަމަށް ބުނެފައިއެވަނީ، ގަސްގަހާގެއްސާއި، ގަހުގެ ބައިތަކުގެ އުފެއްދުންތަކާއި، ރައްކާކުރެވޭ ތަންތަނާއި، ބަންދުކުރުމަށް ބޭނުންކުރެވޭ ތަކެއްޗާއި، ކޮންވޭޔަންސާއި، ކޮންޓޭނަރާއި، ފަހާއި، އަދި ފައިޓޯސެނިޓަރީ މިންގަނޑުތައް ބޭނުންވާކަމަށް ކަނޑައެޅޭ، ހާއްސަކޮށް އެއްގައުމުން އަނެއް ގައުމަށް ގެންދެވޭ، ޕެސްޓް އަށަގަނެ ފެތުރުމުގެ ފުރުސަތު އޮތް އެނޫންވެސް އޯގަނިޒަމާއި ތަކެއްޗަށެވެ.

"ރެގިއުލޭޓްކުރެވޭ ކަރަންޓީންނުކުރާ ޕެސްޓް" ކަމަށް ބުނެފައިއެވަނީ، އޭގެ އަސަރު ގަސްގަހާގެހީގައި ހުރުމުގެ ސަބަބުން އެތަކެތިން ކުރެވޭ ބޭނުމަށް އަސަރުކޮށް، އަދި އިގްތިސާދީގޮތުން ބަލައިނުގަނެވޭފަދަ އަސަރެއް ކުރާތީ، ދިވެހިރާއްޖޭގައި ރެގިއުލޭޓްކުރެވޭ ކަރަންޓީންނުކުރާ ޕެސްޓަށެވެ.

"ރެގިއުލޭޓްކުރެވޭ ޕެސްޓް" ކަމަށް ބުނެފައިއެވަނީ، ކަރަންޓީންކުރާ ޕެސްޓް ނުވަތަ ރެގިއުލޭޓްކުރެވޭ ކަރަންޓީންނުކުރާ ޕެސްޓަށެވެ.

"ގަވާއިދު" ކަމަށް ބުނެފައިއެވަނީ، މި ގާނޫނު ތަންފީޒުކުރުމުގެ ގޮތުން ހަދާ ގަވާއިދުތަކަށެވެ.

"ސަރވޭލަންސް" ކަމަށް ބުނެފައިއެވަނީ، ސަރވޭކޮށްގެން، މޮނިޓަރކޮށްގެން ނުވަތަ އެހެން ގޮތްގޮތުން، ޕެސްޓް ހުރިކަން ނުވަތަ ނެތްކަމުގެ މައުލޫމާތު އެއްކޮށް ރިކޯޑުކުރުމަށް ބޭނުންކުރާ ރަސްމީ ގޮތަކަށެވެ.

"ފަންނީ ސަބަބު" ކަމަށް ބުނެފައިއެވަނީ، އެކަށީގެންވާ ޕެސްޓްގެ ނުރައްކާތެރިކަމުގެ ދިރާސާ ބޭނުންކޮށްގެން ނުވަތަ، ބޭނުންވެއްޖެ ހިނދެއްގައި އެފަދަ އެހެން ގޮތަކުން ސައިންޓިފިކް މައުލޫމާތު ބަލައި އިވެލުއޭޓްކޮށްގެން ނިކުންނަ ނަތީޖާއަކީ އަސާސަކަށް ބަލައިގެން ދައްކާ ސަބަބަށެވެ.

"ފަރުވާދިނުން" ކަމަށް ބުނެފައިއެވަނީ، ޕެސްޓް މެރުމާއި، އޭގެ އަސަރު ކަނޑުވާލުމާއި، ނައްތާލުމާއި، އާލާވުން ހުއްޓުވުމާއި، މަދުކުރުމަށް ބޭނުންކުރެވޭ ރަސްމީ ގޮތަކަށެވެ.

 

37 ވަނަ މާއްދާ - އުވާލެވޭ ގަވާއިދު

މި ގާނޫނަށް އަމަލުކުރަން ފެށުމުން "ގަސްގަހާގެހި ކަރަންޓީނުކުރުމާބެހޭ ގަވާއިދު 2008" އުވުނީއެވެ.

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު