-

ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2011-05)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގައި ކުރާ ވިޔަފާރީގެ ފައިދާއިން ޓެކްސް ނަގާނެ އޮނިގަނޑެއް އެކުލަވާލައި، އެ އޮނިގަނޑަށް އަމަލުކުރުމުގައި ގެންގުޅެންޖެހޭ އުސޫލުތައް ބަޔާންކުރާ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ "ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު" އެވެ.

1 ވަނަ ބާބު

ޓެކްސް ބިނާކުރެވޭ ގޮތް

 

2 ވަނަ މާއްދާ - ދިވެހިރާއްޖެއިން ބޭރުން ލިބޭ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގޭ ގޮތް

(ހ) މި މާއްދާ ހިނގާނީ، ހިސާބުކުރުމުގެ މުއްދަތަކަށް ބަލާއިރު އަދި އެ ހިސާބުކުރުމުގެ މުއްދަތު ހަމަވާ ޓެކްސް އަހަރުގައި މި މާއްދާގެ (ށ) ގައިވާ ށަރުތުތައް ފުރިހަމަވާ، ޕާޓްނަރށިޕްއަކަށްނުވާ ކޮންމެ ކުންފުންޏަކަށެވެ.

(ށ) ދިވެހިރާއްޖެއިން ބޭރުން ލިބޭ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގޭނީ ތިރީގައިއެވާ ށަރުތުތައް ފުރިހަމަވާނަމައެވެ.

  1. ގާނޫނު ނަންބަރު 10/1996 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ ދަށުން، އެކުންފުނި ރަޖިސްޓަރީކުރެވިފައިވުމާއި، ދިވެހިރާއްޖެއިން ބޭރުގައި ވަޒަންވެރިވެފައިވާ ކުންފުންޏަކަށް ނުވުން؛

  2. މި މުއްދަތުގެ ތެރޭގައި އެކުންފުންޏަށް އާމްދަނީ ލިބިފައިވަނީ:

    (ހ) ދިވެހިރާއްޖެއިން ބޭރުގައި މުޅިން ހިންގާފައިވާ ވިޔަފާރިއަކުން، ނުވަތަ؛

    (ށ) ދިވެހިރާއްޖެއިން ބޭރުގައި ވަޒަންވެރިވެފައިވާ ފަރާތަކުން ދޫކޮށްފައިވާ ނުވަތަ ދީފައިވާ ބޮންޑް، ހިއްސާ، ޑިބެންޗަރ، ލޯނު ނުވަތަ އެނޫންވެސް ފައިނޭންށަލް އިންސްޓްރޫމަންޓަކުން ނުވަތަ؛

    (ނ) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތަކުން ދިވެހިރާއްޖެއިން ބޭރުގައި ހިންގާ ކެޕިޓަލް ޕްރޮޖެކްޓެއްގެ ބޭނުމަށްޓަކައި ދޫކޮށްފައިވާ ނުވަތަ ދީފައިވާ ބޮންޑް، ހިއްސާ، ޑިބެންޗަރ، ލޯނު ނުވަތަ އެނޫންވެސް    ފައިނޭންށަލް އިންސްޓްރޫމަންޓަކުން ނުވަތަ؛

    (ރ) އެއްވެސް ބާވަތެއްގެ ލޯނަކުން، ނުވަތަ ދިވެހިރާއްޖެއިން ބޭރުގައި ވަޒަންވެރިވެފައިވާ ފަރާތަކުން ދައްކަންޖެހޭ އެއްވެސް ރޯޔަލްޓީއަކުން ނުވަތަ؛

    (ބ) ދިވެހިރާއްޖެއިން ބޭރުގައި ހުރި އެއްވެސް ނުއުފުލޭ މިލްކިއްޔާތަކުން؛ އަދި

    (ޅ) އެހެން އެއްވެސް ވިޔަފާރިއެއް ހިންގަމުން ނުގެންދާ ނުވަތަ އާމްދަނީއެއް ލިބޭނެ އެހެން އެއްވެސްގޮތެއް ނެތުން.

  3. މި ގާނޫނުގައި އެހެންގޮތަކަށް ކަނޑައެޅިފައިވާ ހާލަތުގައި މެނުވީ، ޓެކްސް އަހަރެއްގައި ކުންފުންޏެއްގެ ޓެކްސް ނެގޭ ފައިދާއިން އެ ކުންފުންޏެއްގެ ނަމުގައި ޓެކްސް ދައްކަންޖެހޭނެއެވެ. އެކުންފުންޏެއްގެ ޓެކްސް ނެގޭނެ ފައިދާއަކަށްވާނީ، މި ގާނޫނާ އެއްގޮތްވާގޮތަށް ހިސާބުކުރެވިގެން އަދި އެ ފައިދާއިން މި ގާނޫނު ހުއްދަކުރާގޮތަށް މެނުވީ އެހެން އެއްވެސް އަދަދެއް އުނިކުރުމަކާނުލައި، އެ އަހަރެއްގައި އެ ކުންފުންޏަށް ލިބިފައިވާ ފައިދާގެ ޖުމްލަ އަދަދެވެ. އަދި، އެ ފައިދާ ލިބުނީ ރާއްޖެއިން ނުވަތަ ރާއްޖެއިން ބޭރުންކަމުގައި ވިޔަސް އަދި އެ ފައިދާ ރާއްޖެއަށް ލިބިފައި ނުވަތަ ފޮނުވިފައި ނުވިނަމަވެސް، އެ ފައިދާއިން ޓެކްސް ނެގޭނެއެވެ.

3 ވަނަ މާއްދާ - ކުންފުނިތަކުގެ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުން

(ހ) މި ގާނޫނުގައި އެހެންގޮތަކަށް ކަނޑައެޅިފައިވާ ހާލަތުގައި މެނުވީ، ކޮންމެ ޓެކްސް އަހަރެއްގައި، ޕާޓްނަރށިޕްއަކަށް ނުވާ ކުންފުންޏެއްގެ އެ އަހަރެއްގެ ޓެކްސް ނެގޭ ފައިދާއިން އެ ކުންފުނީގެ ނަމުގައި ޓެކްސް ދައްކަންޖެހޭނެއެވެ.

(ށ) އެ ކުންފުންޏެއްގެ ޓެކްސް ނެގޭނެ ފައިދާއަކަށް ވާނީ، މި ގާނޫނާ އެއްގޮތްވާގޮތަށް ހިސާބުކުރެވިގެން އަދި އެ ފައިދާއިން މި ގާނޫނު ހުއްދަކުރާގޮތަށް މެނުވީ އެހެން އެއްވެސް އަދަދެއް އުނިކުރުމަކާނުލައި، އެ އަހަރެއްގައި އެ ކުންފުންޏަށް ލިބިފައިވާ ފައިދާގެ ޖުމްލަ އަދަދެވެ. އަދި އެ ފައިދާ ލިބުނީ ރާއްޖެއިން ނުވަތަ ރާއްޖެއިން ބޭރުންކަމުގައި ވިޔަސް އަދި އެ ފައިދާ ރާއްޖެއަށް ލިބިފައި ނުވަތަ ފޮނުވިފައި ނުވިނަމަވެސް، އެ ފައިދާއިން ޓެކްސް ނެގޭނެއެވެ.

(ނ) އެ ކުންފުންޏަކީ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ކުންފުންޏެއް ނޫންނަމަ، އެ ކުންފުނީގެ އެއްވެސް އަހަރެއްގެ ޓެކްސް ނެގޭނެ ފައިދާ ބިނާކުރާނީ އަންނަނިވި ކަންކަމަށެވެ.

  1. ދިވެހިރާއްޖޭގައި ކުއްޔަށް ދޫކޮށްފައިވާ ބިމަކުން ނުވަތަ އިމާރާތަކުން ކުލީގެ ގޮތުގައި އެ ކުންފުންޏަށް ލިބޭ އެންމެހައި ކުލި؛
  2. އެ ކުންފުނީގެ އެހެން އެއްވެސް ފައިދާއެއްގެ ފުރިހަމަ އަދަދު. އެ އަދަދަކީ، ދިވެހިރާއްޖޭގައި ހުރި ދާއިމީ މަރުކަޒެއްގެ ޒަރީއާއިން އެ ކުންފުނިން ހިންގާފައިވާ ވިޔަފާރިއަކުން ނުވަތަ ވިޔަފާރިއެއްގެ ބަޔަކުން ލިބުނުކަމަށް ނިސްބަތްކުރެވޭ، މި ގާނޫނާ އެއްގޮތްވާގޮތަށް ހިސާބުކުރެވިގެން، އަދި އެ މިންވަރުން މި ގާނޫނު ހުއްދަކުރާގޮތަށް މެނުވީ އެހެން އެއްވެސް އަދަދެއް އުނިކޮށްފައިނުވާ މުޅި ޖުމްލަ ފައިދާއެވެ. އަދި،
  3. އެ އަހަރުތެރޭގައި ދިވެހިރާއްޖޭގައި ދިރިއުޅެފައިވާ މީހަކު ނުވަތަ އެ އަހަރު ތެރޭގައި އެއްވެސް ފަހަރަކު ދިވެހިރާއްޖޭގައި ދާއިމީ މަރުކަޒެއް ހިންގި މީހަކު ދައްކަންޖެހިފައިވާ މި މާއްދާގެ (2) ވަނަ ނަންބަރުގެ މާނައިގައި ނުހިމެނޭ ކޮންމެ ރޯޔަލްޓީއެއް ނުވަތަ މެނޭޖްމަންޓް ފީއެވެ.


(ރ) މި މާއްދާގެ (ނ) ގެ މާނައިގައި ހިމެނޭ ކުންފުންޏަކުން، ޓެކްސް ދައްކަންޖެހޭނީ، ޕާޓްނަރއެއްގެ ގޮތުގައި ނޫންގޮތަކަށް، އެއް ވިޔަފާރިއަށްވުރެ ގިނަ ވިޔަފާރިއަކުން ނުވަތަ އެއްގޮތަކަށްވުރެ ގިނަގޮތްތަކަކުން ލިބޭ އާމްދަނީއަކުންނަމަ، އެ ކުންފުންޏެއްގެ ޓެކްސް ނެގޭ ފައިދާއަށްވާނީ، އެ ހުރިހާ ފައިދާގެ ޖުމްލަ އަދަދެވެ.

(ބ) އެ އަހަރެއްގައި އެ ކުންފުންޏެއްގެ ޓެކްސް ބިނާ ކުރެވޭ ފައިދާއެއްގެ އަދަދު ކަނޑައަޅާނީ އެ ކުންފުނީގެ ހިސާބުކުރުމުގެ މުއްދަތުތަކަށް ބަލާފައެވެ.

(ޅ) އުވާލެވޭ ކުންފުނިތަކާމެދު އަމަލުކުރާނެގޮތް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.

4 ވަނަ މާއްދާ - އެހެނިހެން ފަރާތްތަކުގެ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގޭ ގޮތް

(ހ) މި ގާނޫނުގައި އެހެންގޮތަކަށް ކަނޑައެޅިފައިވާ ހާލަތުގައި މެނުވީ، ކޮންމެ ޓެކްސް އަހަރެއްގައި، ޕާޓްނަރށިޕްއަކަށް ނުވަތަ ކުންފުންޏަކަށް ނުވާ، ދިވެހިރާއްޖޭގައި ވިޔަފާރިއެއް ނުވަތަ ވިޔަފާރިތަކެއް ނުވަތަ ވިޔަފާރީގެ ބައެއް ހިންގަމުންގެންދާ މީހެއްގެ އެ އަހަރެއްގެ ޓެކްސް ބިނާކުރެވޭ ފައިދާއަކުން އެ މީހެއްގެ ނަމުގައި ޓެކްސް ދައްކަންޖެހޭނެއެވެ.

(ށ) އެފަދަ ކޮންމެ މީހެއް ހިންގާ ކޮންމެ ވިޔަފާރިއެއްގެ ޓެކްސް ބިނާކުރެވޭ ފައިދާއަކަށް ވާނީ ތިރީގައި ބަޔާންކުރެވޭ އަދަދުތަކުގެ ޖުމްލައެވެ.

  1. ދިވެހިރާއްޖޭގައި ބިން ނުވަތަ އިމާރާތުގެ ކުލީގެ ގޮތުގައި އެ މީހަކަށް ލިބޭ އެންމެހައި ކުލި؛
  2. މި ގާނޫނާ އެއްގޮތްވާގޮތަށް ހިސާބުކުރެވިގެން، އަދި އެ މިންވަރުން މި ގާނޫނު ހުއްދަކުރާގޮތަށް މެނުވީ އެއްވެސް އަދަދެއް އުނިކުރުމަކާނުލައި، އެވިޔަފާރި ނުވަތަ އެވިޔަފާރިތަކުގެ އެހެން އެއްވެސް ފައިދާއެއްގެ ފުރިހަމަ އަދަދު؛ އަދި
  3. އެ އަހަރުތެރޭގައި ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ މީހަކު ނުވަތަ އެ އަހަރުތެރޭ އެއްވެސް ފަހަރަކު ދިވެހިރާއްޖޭގައި ދާއިމީ މަރުކަޒެއް ހިންގި މީހަކު ދައްކަންޖެހިފައިވާ، އަދި އެ މީހަކަށް ލިބިފައިވާ (އެ ފައިދާތަކުގައި އެކުލެވިގެންނުވާ) ކޮންމެ ރޯޔަލްޓީއެއް ނުވަތަ މެނޭޖްމަންޓް ފީ އެއް.


(ނ) މި ގާނޫނުގައި އެހެންގޮތަކަށް ކަނޑައެޅިފައިވާ ހާލަތުގައި މެނުވީ، ޓެކްސް އަހަރެއްގައި އެ މީހަކީ ކުންފުންޏަކަށް ނުވާނަމަ، އެހެންނަމަވެސް، ދިވެހިރާއްޖޭގައި ދިރިއުޅެމުންގެންދާނަމަ؛ އަދި ކަނޑުބޯޓު ނުވަތަ މަތިންދާބޯޓު ދުއްވުމުގެ ވިޔަފާރި ހިންގާނަމަ، އެ ޓެކްސް އަހަރު އެ ވިޔަފާރީގެ ޓެކްސް ބިނާކުރެވޭ ފައިދާއިން، އެހެނީ، އެ ވިޔަފާރީގެ އެ އަހަރުގެ އެންމެހައި ފައިދާއިން، އެ ވިޔަފާރީގެ ނަމުގައި ޓެކްސް ދައްކަންޖެހޭނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި "ކަނޑުބޯޓު ނުވަތަ މަތިންދާބޯޓު ދުއްވުމުގެ ވިޔަފާރި" ކަމަށް ބުނެފައި އެވަނީ، ބައިނަލްއަގްވާމީ ދަތުރުފަތުރު ކުރަމުންގެންދާ ކަނޑުބޯޓެއް ނުވަތަ މަތިންދާބޯޓެއްގެ ވެރިއެއް ނުވަތަ އެފަދަ އުޅަނދެއް ޗާޓަރކޮށްގެން އުޅޭ މީހެއް ކުރާ ވިޔަފާރިއަކަށެވެ.

(ބ) މި މާއްދާގެ ދަށުން އެއްވެސް ޓެކްސް އަހަރެއްގައި، މީހަކަށް، ޕާޓްނަރއެއްގެ ގޮތުގައި ނޫންގޮތަކަށް ވިޔަފާރިއެއް ނުވަތަ އާމްދަނީ ލިބޭ އެއްގޮތަށްވުރެ ގިނަ ގޮތްތަކަކުން ނުވަތަ ވިޔަފާރިތަކަކުން ލިބޭ ފައިދާއިން ޓެކްސް ބިނާކުރަންޖެހޭނަމަ، އެ މީހެއްގެ ޓެކްސް ބިނާކުރެވޭ ފައިދާއަކަށްވާނީ، އެ ހުރިހާ ފައިދާގެ އަދަދުތަކެއް އެއްކުރުމުން ނުކުންނަ ޖުމްލަ އަދަދަށެވެ.

5 ވަނަ މާއްދާ - ޕާޓްނަރށިޕްތަކުގެ ވިޔަފާރީގެ ފައިދާއިން ޓެކްސް ބިނާކުރެވޭ ގޮތް

(ހ) ޓެކްސް އަހަރެއްގައި ކޮންމެ ޕާޓްނަރށިޕްއަކަށްވެސް، އެ ޕާޓްނަރށިޕްއަކީ ގާނޫނު ނަންބަރު 9/1996 (ޕާޓްނަރށިޕާބެހޭ ގާނޫނު) ގެ ދަށުން، ރަޖިސްޓަރީ ކުރެވިފައިވާ ޕާޓްނަރށިޕްއަކަށް ވާނަމަވެސް ނުވަތަ ނުވާނަމަވެސް، ތިރީގައި ބަޔާންކުރެވޭ މާއްދާތައް ރައްދުވާނެއެވެ.

  1. އެ ޕާޓްނަރށިޕްގެ އެ އަހަރުގެ ޓެކްސް ބިނާކުރެވޭ ފައިދާ، ނުވަތަ އެއްވެސް ގެއްލުމެއް، ހިސާބުކުރަންވާނީ، އެ ޕާޓްނަރށިޕްއަކީ ވިޔަފާރީގެ ވަކި ށަހްސެއްގެ ގޮތުގައި ބަލާފައެވެ.
  2. ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް ދައްކަންޖެހޭނީ، އެ ޕާޓްނަރށިޕްގެ ނަމުގައެވެ.
  3. އެފަދަ ޕާޓްނަރށިޕްއެއްގައި ހިމެނޭ ޕާޓްނަރއެއް ޓެކްސް ދައްކަންޖެހޭ މިންވަރު ބެލުމުގައި އެ ޕާޓްނަރށިޕްގެ ފައިދާއިން އޭނާއަށް ލިބޭ ހިއްސާއެއް ނުވަތަ އޭނާއަށް އެ ޕާޓްނަރށިޕްއިން ލިބޭ ގެއްލުމެއް ނަމަވެސް ނުހިމެނޭނެއެވެ.
  4. އެ އަހަރެއްގައި ޕާޓްނަރއެއްގެ ގޮތުގައި ހުރި ކޮންމެ މީހަކުވެސް، މި ގާނޫނުގެ ދަށުން، އެ ފައިދާއިން ބިނާކުރެވޭ އަދި ދައްކަންޖެހޭ ޓެކްސް ދެއްކުމަށް ވަކިވަކިންވެސް އަދި އެކުއެކުގައިވެސް ޒިންމާވާންޖެހޭނެއެވެ.


(ށ) އެއްވެސް ޕާޓްނަރށިޕްއެއްގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި، ޕާޓްނަރށިޕްގެ ފައިދާގެ ހިއްސާއަށް ޕާޓްނަރއަށް ދައްކާ ފައިސާއެއް ނުވަތަ ޕާޓްނަރ ދީފައިވާ ފައިސާއަށްވާ އިންޓްރަސްޓަށް އެއްވެސް އަދަދެއް އުނިކޮށްގެން ނުވާނެއެވެ.

6 ވަނަ މާއްދާ - ފައިސާ ދައްކާ ހިސާބުން ޓެކްސް ނެގޭ ރޯޔަލްޓީއާއި އެހެނިހެން ފައިސާ.

(ހ) ތިރީގައި ބަޔާންކުރެވޭގޮތަށް ދައްކާ ފައިސާއަކީ، އެއްވެސް ޓެކްސް އަހަރެއްގައި ދިވެހިރާއްޖޭގައި ދިރިއުޅެމުން ނުގެންދާ މީހަކަށް ދައްކާފައިވާ، ނުވަތަ އެ ޓެކްސް އަހަރުގައި ދައްކަންޖެހިފައިވާ ފައިސާއެއްނަމަ، އެ ފައިސާ ދައްކާ ފަރާތުން މި މާއްދާގެ ދަށުން ޓެކްސް ދައްކަންޖެހޭނެ ފައިސާއެވެ.

  1. ވިޔަފާރީގެ ގޮތުން ބޭނުންކުރާ ޕްލާންޓް، މެށިނަރީ، އިކުއިޕްމަންޓް އަދި އެނޫންވެސް މުދާ ބޭނުންކުރުމަށް ދައްކަންޖެހޭ ކުލި، ރޯޔަލްޓީ، ނުވަތަ އެނޫންވެސް އެފަދަ ފައިސާ؛
  2. ދިރާސާކުރުމާއި ތަރައްގީކުރުމަށް ދައްކާ ފައިސާ؛
  3. ކޮމްޕިއުޓަރ ސޮފްޓްވެއަރ ބޭނުންކުރުމަށް ދައްކާ ފައިސާ؛
  4. ހިންގުމުގެ ގޮތުން، އަމިއްލަގޮތުން ނުވަތަ ޓެކްނިކަލްގޮތުން ދޭ ހިދުމަތަށް ދައްކާ ފައިސާ، އަދި ވަޒީފާއަކުން ލިބޭ އާމްދަނީއަކަށް ނުވާ އެނޫންވެސް ފީއެއް ނުވަތަ ކޮމިށަނެއް؛
  5. އާންމުންގެ މުނިފޫހިފިލުވައިދޭ މީހުންނަށް އެމީހުން ދައްކުވައިދޭ ހަރަކާތްތަކަށް ދެވޭ އުޖޫރައެއް؛
  6. ދިވެހިރާއްޖޭގައި ސިނަމާ ފިލްމުތައް (ކޮންމެ ފޯމެޓްއެއްގައި ނަމަވެސް) ބެލުމަށް ދައްކަންޖެހޭ ކުލި.


(ށ) މި މާއްދާގައި "ދައްކާ ފައިސާ" ގެ މާނައިގައި އެއްވެސް އަގެއްހުރި އެއްޗެއް ބަދަލުކުރާ ކުރުން، ފައިސާކަމުގައި ވީނަމަވެސް ނުވަތަ ނުވީނަމަވެސް، ހިމެނޭނެއެވެ.

(ނ) ސަރުކާރުގެ ފަރާތުން ނުވަތަ ދިވެހިރާއްޖޭގައި ވިޔަފާރިއެއް ނުހިންގާ ވަކިފަރުދެއްގެ ފަރާތުން ދައްކާފައިވާ އެއްވެސް ފައިސާއެއްގެ މައްޗަށް މި މާއްދާއެއް ނުހިނގާނެއެވެ.

(ރ) މި މާއްދާގައި "އާންމުންގެ މުނިފޫހިފިލުވައިދޭ މީހާ" ކަމަށް ބުނެފައި އެވަނީ، ސްޓޭޖް، ރޭޑިއޯ ނުވަތަ ޓެލެވިޒަންގެ ޒަރިއާއިން ހަރަކާތްތެރިވާ މީހުންނާއި، މިޔުޒިކުކުޅޭ މީހުންނާއި، ކުޅިވަރު ކުޅުންތެރިންނާއި އެ ނޫންވެސް އެފަދަ ފަންނެއް ނުވަތަ މަސައްކަތެއްގައި ހަރަކާތްތެރިވާ މީހުންނަށެވެ.

7 ވަނަ މާއްދާ - ޓެކްސްގެ މިންވަރުތައް

(ހ) އެއްވެސް ޓެކްސް އަހަރެއްގައި، މި ގާނޫނުގެ 2 ވަނަ މާއްދާގައި ހިމެނޭ އެ އަހަރެއްގެ ޓެކްސް ބިނާކުރެވޭ ފައިދާއަކުން ޓެކްސް ދައްކަންޖެހޭނީ ތިރީގައި ބަޔާންކުރެވޭ މިންވަރަށެވެ.

  1. ޓެކްސް އަހަރެއްގައި، އެ އަހަރުގެ ޓެކްސް ބިނާކުރެވޭ ފައިދާ 500,000 (ފަސް ލައްކަ) ރުފިޔާ އަށްވުރެ އިތުރުނުވާނަމަ، %0 (ސުމެއް އިންސައްތަ) .
  2. ޓެކްސް އަހަރެއްގައި، އެއަހަރުގެ ޓެކްސް ބިނާކުރެވޭ ފައިދާ 500,000 (ފަސް ލައްކަ) އަށްވުރެ އިތުރުވާނަމަ، އިތުރުވާ އަދަދެއްގެ %5 (ފަހެއް އިންސައްތަ) .

(ށ) އެއްވެސް ޓެކްސް އަހަރެއްގައި، މި ގާނޫނުގެ 2 ވަނަ މާއްދާއާއި 6 ވަނަ މާއްދާގައި ނުހިމެނޭ ފަރާތްތައް އެ އަހަރެއްގެ ޓެކްސް ބިނާކުރެވޭ ފައިދާއަކުން ޓެކްސް ދައްކަންޖެހޭނީ ތިރީގައި ބަޔާންކުރެވޭ މިންވަރަށެވެ.

  1. ޓެކްސް އަހަރެއްގައި، އެ އަހަރުގެ ޓެކްސް ބިނާކުރެވޭ ފައިދާ 500,000 (ފަސް ލައްކަ) ރުފިޔާއަށްވުރެ އިތުރުނުވާނަމަ، %0 (ސުމެއް އިންސައްތަ) .
  2. ޓެކްސް އަހަރެއްގައި، އެ އަހަރުގެ ޓެކްސް ބިނާކުރެވޭ ފައިދާ 500,000 (ފަސް ލައްކަ) ރުފިޔާއަށްވުރެ އިތުރުވާނަމަ، އިތުރުވާ އަދަދެއްގެ %15 (ފަނަރަ އިންސައްތަ) .


(ނ) މި މާއްދާގައި "ޓެކްސް ބިނާކުރެވޭ ފައިދާ" ކަމަށް ބުނެފައި އެވަނީ، ޓެކްސް ނެގުމަށް ހެދިފައިވާ ގާނޫނުތަކުގައި ކަނޑައެޅިފައިވާގޮތަށް ހިސާބުކުރެވިފައިވާ އެފަދަ ފައިދާއަށެވެ.

(ރ) މި ގާނޫނުގެ 6 ވަނަ މާއްދާގެ ދަށުން، ދައްކާފައިވާ ފައިސާގެ ގޮތުގައި ޓެކްސް ބިނާކުރަންޖެހޭ ފައިސާއިން ދައްކަންޖެހޭނީ %10 (ދިހައެއް އިންސައްތަ) ގެ މިންވަރުންނެވެ.

(ބ) އެއްވެސް ފަރާތަކުން ("ހޯލްޑިންގ ކުންފުނި") އެ ކުންފުންޏާއި، އެ ކުންފުނީގެ ދަށުގައިވާ ކުންފުނި ("ސަބްސިޑިއަރީ") ތަކުގެ މާލީ ކަންތައްތައް ދައްކުވައިދޭ ކޮންސޮލިޑޭޓެޑް އެކައުންޓްސްތައް އެމް.އައި.އާރް.އޭ އަށް ހުށަހަޅަންޖެހޭނެކަމަށް ގަވާއިދުގައި ބުނެފައިވާ ހާލަތެއްގައި، ހޯލްޑިންގ ކުންފުންޏަށާއި، ކޮންމެ ސަބްސިޑިއަރީއަކުން މި މާއްދާގެ (ށ) އަށް އަމަލުކުރަންވާނެއެވެ. ނަމަވެސް، އެ މާއްދާގައި ބުނެފައިވާ 500,000 (ފަސް ލައްކަ) ރުފިޔާގެ ބަދަލުގައި ބަލަންވާނީ ތިރީގައިވާ ފޯމިއުލާއާ އެއްގޮތްވާ ގޮތުގެމަތިން، އަންނަ އަދަދަކަށެވެ.
500,000/ (1+A) ރ.

“A” ނިސްބަތް ވަނީ، ދިވެހިރާއްޖޭގައި ޓެކްސް ދައްކަންޖެހޭ ސަބްސިޑިއަރީތަކުގެ އަދަދެވެ.

(ޅ) ޓެކްސް އަހަރެއްގައި މީހެއްގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރަނީ، 12 (ބާރަ) މަސް ދުވަހަށްވުރެ ކުރު މުއްދަތަކަށް ބަލާފައި ކަމުގައިވަނީނަމަ، މަތީގައި 500,000 (ފަސް ލައްކަ) ރުފިޔާ ކަމުގައި ބުނެފައިވާ ކޮންމެ އަދަދެއް އެ މިންގަނޑަށް ފެތޭގޮތަށް ކުޑަކުރެވޭނެއެވެ.

8 ވަނަ މާއްދާ - ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުން: އާންމު މާއްދާތައް

(ހ) މި ގާނޫނުގެ މާއްދާތަކާ އެއްގޮތްވާ ގޮތުގެމަތިން، ޓެކްސް ނެގުމަށް ބެލެވޭ އަހަރެއްގެ ފައިދާގެ ފުރިހަމަ އަދަދަކީ:

  1. އެމީހަކީ މާލީ ހިސާބު ތައްޔާރުކުރާ މީހެއްނަމަ، ނުވަތަ މި ގާނޫނުގެ ދަށުން ނުވަތަ ދިވެހިރާއްޖޭގެ އެހެން އެއްވެސް ގާނޫނެއްގެ ދަށުން، މާލީ ހިސާބު ތައްޔާރުކުރަންޖެހޭ މީހެއްނަމަ، އެ އަހަރުތެރޭ ނުވަތަ އެ އަހަރުގެ ނިޔަލަށް ނިމޭ ހިސާބު ބަލާ މުއްދަތު ނުވަތަ މުއްދަތުތަކުގައި ލިބިފައިވާ ފައިދާ؛
  2. އެހެން ހުރިހާ ހާލަތުތަކުގައި، ޓެކްސް ދައްކަންޖެހޭ މީހެއްގެ ނުވަތަ ފަރާތެއްގެ ޓެކްސް ބިނާކުރެވޭނީ މި ގާނޫނުގައިވާ ގޮތުގެމަތިންނެވެ.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ހިމެނޭ މީހެއްގެ ޓެކްސް ނެގުމަށް ބެލޭ އެ އަހަރެއްގެ ޓެކްސް ބިނާކުރެވޭ ފައިދާއެއް ހިސާބުކުރާނީ، މި ގާނޫނާއި، ގާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކާ އެއްގޮތަށް، ނުވަތަ ވަކި ގޮތަކަށް ލާޒިމުކޮށްފައިނުވާނަމަ، ހިސާބުކުރުމުގައި އާންމުކޮށް ގަބޫލުކުރެވޭ އުސޫލުތައް ބޭނުންކޮށްގެންނެވެ.

(ނ) ވިޔަފާރިއެއް ހިންގަމުންގެންދާ މީހަކަށް ނުވަތަ ފަރާތަކަށް ދައްކާފައިވާ ފައިސާއަކީ، މި ގާނޫނުގެ 10 ވަނަ މާއްދާގެ (ރ) ގެ (7) ވަނަ ނަންބަރާ އެއްގޮތްވާ ގޮތުގެމަތިން، ހިސާބުކުރުމުން އުނިކުރެވިފައިވާ ދަރަންޏެއްގެ ފުރިހަމަ ނުވަތަ ބައެއްގެ ހަލާސްކުރުމެއްކަމަށް ވަނީނަމަ، އެ ފައިސާ ބަލަންޖެހޭނީ އެ ފައިސާ ލިބުނު އަހަރު އެ ވިޔަފާރިއަށް ލިބުނު ފައިސާއެއްގެ ގޮތުގައެވެ.

9 ވަނަ މާއްދާ - ކުއްޔަށް ކެނޑޭ ބައިތައް

(ހ) އެއްވެސް މީހަކު ނުވަތަ ފަރާތެއް، ޓެކްސް އަހަރެއްގައި އެ މީހަކަށް ދިވެހިރާއްޖޭގައި ހުރި ނުއުފުލޭ މުދަލުގެ ކުއްޔަށް ލިބޭ ފައިސާއިން ޓެކްސް ދައްކަން ޖެހުމުން، މި މާއްދާގެ ދަށުން ޓެކްސް އަހަރެއްގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމަށް ހިޔާރުކޮށްފިނަމަ، މި ގާނޫނުގެ 8 ވަނަ މާއްދާ، އަދި މި ގާނޫނުގެ ދަށުން ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި ލިބޭ ކުއްޔަށް އެއްވެސް އަދަދެއް ހިސާބުކުރުމުން އުނިކުރުމަށް ހުއްދަކުރާ އެހެން އެއްވެސް މާއްދާއެއް، އެ މައްޗަކަށް ނުހިނގާނެއެވެ.

(ށ) މި މާއްދާއަށް އަމަލުކުރާނަމަ، ޓެކްސް އަހަރެއްގައި ލިބުނު ކުލީގެ އަދަދުން %20 (ވިހި އިންސައްތަ) އެ އަހަރެއްގެ އެ މީހެއްގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުން އުނިކުރެވިދާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން އެއްވެސް އަހަރަކަށް އެއްވެސް މީހަކު ނިންމާފައިވާ ގޮތެއް، އެ މީހެއްގެ އެ އަހަރުގެ ޓެކްސް ބަޔާނުގައި ފާހަގަކުރެވިފައި އޮންނަންވާނެއެވެ. އަދި މިގޮތަށް ނިންމުމެއް ބަދަލުކުރެވޭނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ރ) މި މާއްދާގެ ބޭނުމަށް "ކުލި" ކަމަށް ބުނެފައި އެވަނީ، ނުއުފުލޭ މިލްކިއްޔާތެއް ބޭނުންކުރުމަށް ބަދަލުގައި ދެވޭ އެއްވެސް އަގަކަށެވެ. މީގެތެރޭގައި އެއްވެސް ގޮތަކަށް ދެވޭ ފައިސާކަމުގައި ވީނަމަވެސް، އަދި ކޮންމެ ގޮތަކަށް ސިފަކުރެވުނު ކަމުގައިނަމަވެސް، ހިދުމަތުގެ އަގުގެގޮތުގައި ލިބޭ ކޮންމެ އެއްޗެއް ހިމެނެއެވެ.

10 ވަނަ މާއްދާ - އުނިކުރެވިދާނެ އަދަދުތައް

(ހ) މި ގާނޫނާއި، އަދި ހާއްސަކޮށް، މި މާއްދާގެ (ނ) އާއި (ރ) އާ އެއްގޮތްވާ ގޮތުގެމަތިން، ޓެކްސް އަހަރެއްގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި، ހަމައެކަނި އާމްދަނީއެއް ހޯދުމުގެ މަގްސަދުގައި އެ އަހަރަކު ހިނގާފައިވާ ހަރަދެއް ފިޔަވައި އެހެން އެއްވެސް އަދަދެއް ހިސާބުކުރުމުން އުނިކުރެވިގެން ނުވާނެއެވެ.

(ށ) ކޮންމެވެސް ވަރަކަށް އާމްދަނީއެއް ހޯދުމަށް، އަދި ކޮންމެވެސް ވަރަކަށް އެހެން މަގްސަދަކަށްޓަކައި ހިނގާފައިވާ ހަރަދު ޖެހޭނީ އެމް.އައި.އާރް.އޭ ގެ ހުއްދައާ އެކުގައި އެ ތަފާތު މަގްސަދުތަކުގެ ދެމެދު އިންސާފުވެރި އަދި އެކަށީގެންވާ ގޮތެއްގެމަތިން ބަހާލާށެވެ. އަދި މިގޮތަށް ބަހާލުމުން، މި މާއްދާގެ (ހ) ގެ މާނައިގައި ހިމެނޭ ހަރަދުކަމަށް ބެލެވޭނީ، ހަމައެކަނި ފައިދާއެއް ހޯދުމުގެ މަގްސަދުގައި ހިނގިކަމަށް ބެލެވިފައިވާ ބައި އެކަންޏެވެ.

(ނ) ކުންފުންޏެއް ނުވަތަ ވިޔަފާރިކުރާ ތަނެއްގެ ހިސާބުކުރުމުގެ މުއްދަތު ނިމެނީ، 31 ޑިސެމްބަރު ނޫން އެހެން ދުވަހަކުނަމަ، އެފަދަ ހިސާބުކުރުމުގެ މުއްދަތެއްގެ ތެރޭގައި ހަމައެކަނި ފައިދާއެއް ހޯދުމުގެ މަގްސަދުގައި ހިނގާފައިވާ ހަރަދުތައް، މި މާއްދާގެ ބޭނުމަށް، ބެލެވޭނީ އެ ހިސާބުކުރުމުގެ މުއްދަތު ނިމޭ ޓެކްސް އަހަރުތެރޭ ހިނގި ހަރަދުތަކެއްކަމަށެވެ.

(ރ) މި މާއްދާގެ (ހ) ގައި އެހެންގޮތަކަށް މާނަކުރެވެން އޮތްކަމުގައި ވީނަމަވެސް، ތިރީގައި ބަޔާންކުރެވޭ ހަރަދުތަކާ އެލަވަންސްތަކަކީ އެމް.އައި.އާރް.އޭ އިން ހަދާ ގަވާއިދެއްގެ ދަށުން، ޓެކްސް އަހަރެއްގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުން އުނިކުރެވިދާނެ ބައިތަކެކެވެ.

  1. މި ގާނޫނުގެ 12 ވަނަ މާއްދާގައި ރައްދުވާ ހަރަދުތައް، އެ މާއްދާގެ (ބ) ގައިވާ ގޮތުގެމަތިން، އުނިކުރުމަށްފަހު، އެހެންނަމަވެސް، އެއީ ޓެކްސް ބިނާކުރެވޭ ފައިދާ ނިސްބަތްވާ ހިސާބުކުރުމުގެ މުއްދަތުގައި ފެށޭނަމަ، ނުވަތަ ޓެކްސް އަހަރުގައި ހިސާބު ގެންގުޅެފައިނުވާ ނުވަތަ ގެންގުޅެން ނުޖެހޭ މީހެއްނަމަ؛
  2. ގަވާއިދުތަކުން ހުއްދަކުރާ އެންމެ ބޮޑު މިންވަރަކަށް، ކެޕިޓަލް އެލަވަންސް؛
  3. އެ އަދަދުތައް އުނިކުރަން ގަވާއިދުތަކުން ހުއްދަކުރާ އެންމެ ބޮޑު މިންވަރަކަށް، ހެޑް އޮފީސް ހަރަދުތައް؛
  4. މުވައްޒަފުންގެ ވެލްފެއަރއަށް އަމާޒުކޮށް ޓެކްސް އަހަރު ހިނގާފައިވާ އެމް.އައި.އާރް.އޭ އިން ހުއްދަކޮށްފައިވާ އެއްވެސް ހަރަދެއް؛
  5. ޕެންށަން ފައިސާދެއްކުމަށް ޓެކްސް އަހަރު ހިނގާފައިވާ އެމް.އައި.އާރް.އޭ އިން ހުއްދަކޮށްފައިވާ އެއްވެސް ހަރަދެއް؛
  6. ޓެކްސް ބިނާކުރެވޭ އަހަރަށް ނިސްބަތްވާ އޮޑިޓް ފީ؛
  7. މި މާއްދާގެ (ކ) އާ އެއްގޮތްވާ ގޮތުގެމަތިން، ފައިސާ އަނބުރާ ނުލިބޭނެކަން އެ ޓެކްސް އަހަރުގައި އެމް.އައި.އާރް.އޭ އަށް ޔަގީންވީ ދަރަންޏެއް، އެދަރަންޏަކުން އާމްދަނީއެއް އުފެއްދިފައިވާނަމަ؛
  8. ލިބިފައިވާ ފައިސާއަކީ، ވިތްހޯލްޑިންގ ޓެކްސް ދައްކާފައިވާ ފައިސާއެއްނަމަ، އެ ލިބުނު އަދަދު، އަދި؛
  9. އުނިކުރެވިދާނެކަމަށް މި ގާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކުން ކަނޑައަޅާ އެހެން އެއްވެސް އަދަދެއް.

(ބ) މި މާއްދާގެ (ޅ) އާ އެއްގޮތްވާ ގޮތުގެމަތިން، އެއްވެސް ފަރާތަކުން އެމް.އައި.އާރް.އޭ އިން ގަބޫލުކުރާ، އިސްލާމްދީން ކުރިއެރުވުން، ފަގީރުންނަށް އެހީވުން، ސިއްހީ ހިދުމަތްދިނުން، ތައުލީމުދިނުން ނުވަތަ އެފަދަ އާންމު މަންފާއެއް ފޯރުކޮށްދިނުމުގެ މަގްސަދުގައި ހަރަކާތްތެރިވުމަށް އުފައްދާފައިވާ ޖަމާއަތެއް ނުވަތަ ޖަމްއިއްޔާއެއް ނުވަތަ އާންމު އިދާރާއަކަށް ހަދިޔާކުރާ ފައިސާއަކީ، އެ ފައިސާދިން ޓެކްސް އަހަރުގެ އެމީހެއްގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި، އެ ހިސާބުކުރުމުން އުނިކުރެވިދާނެ އެއްޗެކެވެ.

(ޅ) އެއްވެސް ޓެކްސް އަހަރެއްގައި މީހެއްގެ ޓެކްސް ހިސާބުކުރުމުގައި މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ހަދިޔާގެ ގޮތުގައި އުނިކުރެވޭނެ އެންމެ ބޮޑު އަދަދަކީ، ހަދިޔާއެއްގެ ގޮތުގައި ދެވޭ އަދަދާއި، ލޮސް ރިފީލް އުނިކުރުމުގެ ކުރިން ބިނާކުރެވޭ ފައިދާގެ %5 (ފަހެއް އިންސައްތަ) އަށްވުރެ އިތުރުނުވާ އަދަދެކެވެ.

(ކ) މި ގާނޫނަށް އަމަލުކުރަން ފެށޭ ދުވަހުގެ ކުރިން ނިމޭ ހިސާބުކުރުމުގެ މުއްދަތެއްގެ ތެރޭގައި އުފެދުނު ދަރަންޏެއް މި މާއްދާގެ (ރ) ގެ (7) ވަނަ ނަންބަރުގެ ދަށުން ފައިސާ އަނބުރާ ނުލިބޭނެ ދަރަންޏެއްގެ ގޮތުގައި ހިސާބުކުރުމުގައެއް ނުހިމެނޭނެއެވެ.

11 ވަނަ މާއްދާ - އުނިނުކުރެވޭ އެހެން އަދަދުތައް

(ހ) މި ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ އާންމުކަން އުނިނުވާގޮތަށް، ޓެކްސް އަހަރެއްގައި މީހެއްގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި، ތިރީގައި ބަޔާންކުރެވޭ ހަރަދުތަކެއް އުނިކުރުމަކަށް ހުއްދައެއް ނުދެވޭނެއެވެ.

  1. ދިރިއުޅުމަށް ނުވަތަ އަމިއްލަ ބޭނުންތަކަށް ކުރާ ހަރަދުތައް؛
  2. ގަވާއިދެއްގެ ދަށުން ހުއްދަކޮށްފައިވާ ގޮތަކަށް މެނުވީ، ކެޕިޓަލް އެސެޓްއެއްގެ ފެންވަރު ރަނގަޅުކުރުމަށް ނުވަތަ އެއަށް އިތުރެއް ގެނައުމަށް، ނުވަތަ ބަދަލެއް ގެނައުމަށް ހިނގާ ހަރަދުވެސް އެކުލެވޭ މާނައެއްގައި ކުރެވޭ ކެޕިޓަލް ހަރަދު؛
  3. ފައިދާ އުފެއްދުމުގެ މަގްސަދުގައިނޫން އެހެން މަގްސަދެއްގައި ހިފާފައިވާ ނުވަތަ ބޭނުންކޮށްފައިވާ އިމާރާތެއް ނުވަތަ އިމާރާތެއްގެ ބައެއްގެ ކުލި ނުވަތަ އެއާ ގުޅިފައިވާ ހަރަދު؛
  4. ގަވާއިދުން ހުއްދަކުރާގޮތެއްގައި މެނުވީ، އެމީހެއްގެ މިލްކިއްޔާތުގައި ހުރި ނުވަތަ އެމީހަކު ކުއްޔަށް ހިފާފައިހުރި، އަދި އޭނާގެ ވިޔަފާރި ހިންގުމުގެ ކަންތައްތަކާ ގުޅިގެން ބޭނުންކުރެވޭ، އެއްވެސް ތަނެއްގެ ކުލި
  5. އެމް.އައި.އާރް.އޭ އިން ގަބޫލުކުރާ އެއްވެސް ބޭންކެއް ނުވަތަ މާލީ އިދާރާއަކަށް ދައްކަންޖެހޭ އިންޓްރެސްޓް ފިޔަވައި، އަހަރަކު %6 (ހައެއް އިންސައްތަ) ގެ ރޭޓަށްވުރެ މަތިން އިންޓްރެސްޓް ދައްކަންޖެހޭނަމަ، އެ އިތުރުވި މިންވަރެއް؛
  6. މި ގާނޫނާއި މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތައްވެސް ހިމެނޭގޮތަށް އެއްވެސް ގާނޫނަކާއެއްގޮތަށް އަމަލުނުކުރެވުމުގެ ސަބަބުން ދައްކަންޖެހޭ އެއްވެސް ޖޫރިމަނާއެއް، ނުވަތަ އިންޓްރެސްޓެއް.


(ށ) މި ގާނޫނުގެ އެއްވެސް މާއްދާއެއްގެ ދަށުން އެއްވެސް ހަރަދެއް ހިސާބުކުރުމުން އުނިކުރުމަށް ހުއްދަކޮށްފައިވާނަމަ، މި ގާނޫނުގެ އެހެން މާއްދާއެއްގެ ދަށުން، ހަމަ އެ ހަރަދެއް ހިސާބުކުރުމުން އުނިކުރުން ހުއްދައެއް ނުކުރެވޭނެއެވެ.

(ނ) މީގެ އިތުރުން، އެކަމަކު މި މާއްދާގެ (ރ) އާ އެއްގޮތްވާ ގޮތުގެމަތިން، ޓެކްސް އަހަރެއްގައި މީހެއްގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި ތިރީގައިވާގޮތަށް ދޭންޖެހޭ އުޖޫރައެއް ހިސާބުކުރުމުން އުނިކުރަން ހުއްދައެއް ނުދެވޭނެއެވެ.

  1. އެ އުޖޫރައަކީ، ކުންފުންޏަކުން ދޭންޖެހޭ އެއްޗެއްނަމަ، އެކުންފުނީގެ ޑިރެކްޓަރެއް ނުވަތަ އެކުންފުނީގައި އެކަށީގެންވާ މަސްލަހަތެއް އޮތް މީހެއް ނުވަތަ ކުންފުނީގެ އެކުވެރިއެއް ނުވަތަ ޑިރެކްޓަރަކާ ނުވަތަ އެފަދަ މީހަކާ ތިމާގެ ނުވަތަ އެކުވެރިއެއްނަމަ، ނުވަތަ؛
  2. އެ އުޖޫރައަކީ، ޓްރަސްޓްއަކުން ނުވަތަ ޖަމާއަތަކުން ދައްކަންޖެހޭ އެއްޗެއްނަމަ، އެ ޓްރަސްޓްގެ ނުވަތަ އެ ޖަމާއަތުގެ މެންބަރެއް އަދި އެފަދަ ޓްރަސްޓީއަކާ ނުވަތަ ޖަމާއަތުގެ މެންބަރަކާ ގުޅުމެއްހުރި މީހެއްނަމަ، ނުވަތަ؛
  3. އެ އުޖޫރައަކީ، ޕާޓްނަރށިޕަކުން ދޭންޖެހޭ އެއްޗެއްނަމަ، އެޕާޓްނަރށިޕްގެ ޕާޓްނަރއެއް ނުވަތަ ޕާޓްނަރށިޕްގައި އެކަށީގެންވާ މަސްލަހަތެއް އޮތް މީހެއް ނުވަތަ ޕާޓްނަރށިޕްގެ އެކުވެރިއެއް ނުވަތަ ޕާޓްނަރަކާ ތިމާގެ ނުވަތަ އެކުވެރިއެއްނަމަ.

(ރ) މި މާއްދާގެ (ނ) ގައި ނިސްބަތްކޮށްފައިވާ، އަދި އެ ޓެކްސް އަހަރުގައި ދައްކަންޖެހޭ، އުޖޫރައިގެ ޖުމްލަ ބަޔާންކޮށްފައިވާ ފައިދާގެ %10 (ދިހައެއް އިންސައްތަ) އަށްވުރެ އިތުރުނުވާނަމަ، މި މާއްދާގެ (ނ) ގެ ބާރު އޭގެ މައްޗަކަށް ނުހިނގާނެއެވެ.

(ބ) މި މާއްދާގެ މަގްސަދަށްޓަކައި، ވަކިފަރުދެއް އެމީހަކާ ތިމާގެކަމަށްވާނީ، އެއީ އެމީހެއްގެ އަނބި ނުވަތަ ފިރި، ދަރި، މަންމަ ނުވަތަ ބައްޕަ، ބޭބެ ނުވަތަ ފިރިހެން ކޮއްކޮ، ދައްތަ ނުވަތަ އަންހެން ކޮއްކޮ، ނުވަތަ އެއީ، އެމީހެއްގެ ދޮންދަރި، ދޮންބައްޕަ ނުވަތަ ދޮންމަންމަ، ނުވަތަ ދޮންބައްޕަގެ ނުވަތަ ދޮންމަންމަގެ ދަރިއެއް ނަމައެވެ. އަދި

(ޅ) މި މާއްދާގެ ބޭނުމަށް ތިރީގައިވާ މީހުންނަކީ ގުޅުންހުރި ފަރާތްތަކެއްގެ ގޮތުގައި ބެލެވޭނެއެވެ.

  1. އެއް ޕާޓްނަރށިޕްއެއްގެ ދެ ޕާޓްނަރުން؛
  2. ދެ ށަހްސެއް، އެކަކު އަނެކަކާ ދެމެދުއޮތް ގުޅުމަށް ބަލާއިރު، އެއީ މި ގާނޫނުގެ 7 ވަނަ މާއްދާގެ (ބ) ގެ މާނައިގައި ހިމެނޭ ހޯލްޑިންގ ކުންފުނި ނުވަތަ އޭގެ ދަށުން ހިނގާ ކުންފުންޏެއް؛
  3. އެކަކު އަނެކަކާ ތިމާގެ ފަރުދުން؛

    އަދި، އެއްވެސް މީހަކީ ދެވަނަ މީހަކާ ގުޅުމެއްހުރި މީހަކަށްވާނަމަ، އެ ދެވަނަ މީހަކާ ގުޅުމެއް ހުރި ކޮންމެ އެހެން މީހަކާވެސް އޭނާއާއި ގުޅުންހުރިކަމަށް ބެލެވޭނެއެވެ.

(ކ) "ބަޔާންކޮށްފައިވާ ފައިދާ" ގެ މާނައަކީ، ޓެކްސް ބިނާކުރެވުނު ފައިދާއާއި، މި ގާނޫނުގެ 10 ވަނަ މާއްދާގެ (ބ) ގައި ކަނޑައެޅިފައިވާގޮތަށް ހިސާބުކުރުމުން އުނިކުރެވިދާނެ ކޮންމެ ހަދިޔާއެއްގެ އަދަދާއި، މި މާއްދާގެ (ނ) ގައި ބުނެފައިވާ އެއްވެސް އުޖޫރައެއްގެ ޖުމްލައެވެ.

12 ވަނަ މާއްދާ - ވިޔަފާރިކުރުމުގެ ކުރިން އަދި ރަޖިސްޓަރީކުރުމުގެ ކުރިން ހިނގާ ހަރަދު

(ހ) ވިޔަފާރިއެއް ފެށުމުގެ ކުރިން އެ ވިޔަފާރީގެ ބޭނުމަކަށް ހިނގާފައިވާ ހަރަދު ބެލެވޭނީ، އެ ވިޔަފާރިއެއް ހިނގަން ފަށާ ފުރަތަމަ ދުވަހު ހިނގާފައިވާ ހަރަދުކަމަށެވެ.

(ށ) ތިރީގައިވާ އެއްވެސް މާއްދާއަކަށް ފެތޭ އެއްވެސް ހަރަދަކަށް، މި މާއްދާގެ (ހ) ރައްދެއްނުވާނެއެވެ.

  1. މި މާއްދާގެ (ނ) ނުވަތަ؛
  2. މި ގާނޫނުގެ 10 ވަނަ މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގެ ދަށުން ހެދޭ ގަވާއިދު، ނުވަތަ އެ ވިޔަފާރި ކުރިއަށް ގެންދިއުމުން، އެ ގަވާއިދަށް ފެތޭނެ، ނުވަތަ އެ ހަރަދެއް ހިނގި ދުވަސްވަރު އެ ގަވާއިދަށް އަމަލުކުރަމުން ގެންދިޔަކަމުގައިވީނަމަ ނުވަތަ؛

ދާއިމީ މަރުކަޒެއް ގާއިމުކޮށްފައިވާނަމަ، އެ ދާއިމީ މަރުކަޒެއް އުފެއްދުމުގެ ކުރިން ދިވެހިރާއްޖެއިން ބޭރުގައި އެ ހަރަދު ހިނގާފައިވާނަމަ، ނުވަތަ ވަކިފަރުދެއް ހިންގާ ވިޔަފާރިއެއްނަމަ، އެވަކިފަރުދަކު ދިވެހިރާއްޖެއިން ބޭރުގައި ދިރިއުޅެމުންގެންދަނިކޮށް، ދިވެހިރާއްޖެއިން ބޭރުގައި އެ ހަރަދު ހިނގާފައިވާނަމައެވެ.

(ނ) ހަރަދު ހިނގާފައިވަނީ:

  1. ގާނޫނު ނަންބަރު 10/1996 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ ދަށުން، ކުންފުންޏެއް ރަޖިސްޓަރީކުރެވޭ ދުވަހުގެ ("ރަޖިސްޓަރީކުރެވޭ ދުވަސް") ކުރިން، އަދި؛
  2. އެ ކުންފުނި އުފެއްދުމާގުޅިގެން ނުވަތަ އެހެންގޮތަކުން ކުންފުނީގެ މަގްސަދުތަކަށްޓަކައިނަމަ؛

އެ ހަރަދުތަކަކީ ރަޖިސްޓަރީކުރެވޭ ދުވަހު އެ ކުންފުނިން ހިނގާފައިވާ ހަރަދުތަކެއްކަމަށް ބެލެވޭނެއެވެ.

(ރ) ކުންފުންޏެއް ނުވަތަ މަރުކަޒަކުން ހިނގާފައިވާ ހަރަދަކީ، މި މާއްދާގެ (ހ) ނުވަތަ (ނ) ގެ ދަށުން، ވަކި ތާރީހެއްގައި ("ފެށޭ ތާރީހު") ހިނގާފައިވާ ހަރަދެއްކަމަށް ކަނޑައެޅިފައިވާނަމަ، އެ ފެށޭ ތާރީހުގައި ނުވަތަ އެ ތާރީހުގެ ކުރިން، އެ ކުންފުންޏަކަށް ނުވަތަ އެ މަރުކަޒަކަށް ނުވަތަ އެ ކުންފުނީގެ ނުވަތަ އެ މަރުކަޒުގެ ފައިދާއަށް ލިބޭ ނުވަތަ ޖަމާވާ އާމްދަނީގެ އަދަދުން އެ ހަރަދު ކެނޑޭނެއެވެ.

(ބ) ފެށޭ ތާރީހުގައި ނުވަތަ އެ ތާރީހުގެ ކުރިން އެ ކުންފުންޏަކަށް ނުވަތަ އެ މަރުކަޒަކަށް ނުވަތަ އެ ކުންފުނީގެ ނުވަތަ އެ މަރުކަޒުގެ ފައިދާއަށް ލިބޭ ނުވަތަ ޖަމާވާ އާމްދަނީގެ އަދަދު، މި މާއްދާގެ (ހ) ނުވަތަ (ނ) ގެ ދަށުން ފެށޭ ތާރީހުގައި ހިނގާފައިވާ ހަރަދެއްކަމަށް ކަނޑައަޅާފައިވާ ހަރަދުގެ އަދަދަށްވުރެ އިތުރުވާނަމަ، އެ އިތުރުވާ އަދަދު ބެލެވޭނީ، އެ ކުންފުނި ނުވަތަ އެ މަރުކަޒަށް އެ ތާރީހުގައި ޖަމާވާ އާމްދަނީކަމަށެވެ.

13 ވަނަ މާއްދާ - ގެއްލުންވުމުން ދެވޭ އިނާޔަތް

(ހ) މި ގާނޫނުގެ އެހެން މާއްދާތަކާ ހިލާފުނުވާގޮތަކަށް، އެއްވެސް ޓެކްސް އަހަރެއްގައި، އެއްވެސް މީހެއްގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި، އެ އަހަރުގައި އެ މީހަކަށް ގެއްލުންވެފައިވާކަން ދައްކާނަމަ، އެ ގެއްލުންވީ އަދަދާއެއްވަރުގެ އަދަދެއް ޖެހިގެން އަންނަ ޓެކްސް އަހަރުގެ އެމީހެއްގެ ޓެކްސް ބިނާކުރެވޭ ފައިދާއިން ކަނޑާގޮތަށް، އަދި ހަމައެގޮތަށް، ދެން ޖެހިގެން އަންނަ ޓެކްސް އަހަރުތަކުގައިވެސް ކަންތައް ކުރެވިދާނެއެވެ.

(ށ) އެ ގެއްލުންވީ ޓެކްސް އަހަރުގެ ޓެކްސް ބަޔާނުގައި، ގެއްލުންވުމުން ދެވޭ އިނާޔަތް، އެ ގެއްލުމަކަށް ހޯދަން ހުށަހަޅައިގެން މެނުވީ، މި މާއްދާގެ (ހ) ގެ ދަށުން އަމަލެއް ނުކުރެވޭނެއެވެ.

(ނ) އެ ގެއްލުންވީ ޓެކްސް އަހަރު ނިމޭތާ 5 (ފަހެއް) އަހަރަށްވުރެ އިތުރަށް މި މާއްދާގެ (ހ) ގެ ދަށުން ގެއްލުންވީ އަދަދު ކަނޑަމުން ގެންގޮސްގެން ނުވާނެއެވެ. އަދި މި މާއްދާގެ ދަށުން ބެލެވޭނީ، އެ ގެއްލުންވީ ތަރުތީބުން (ކުރިންވީ ގެއްލުން، ފަހުންވީ ގެއްލުމުގެ ކުރިން) ކަނޑަމުން ގެންދާކަމަށެވެ.

(ރ) އެ ގެއްލުމަކީ، މުއާމަލާތެއް ނުވަތަ އެހެން އެއްވެސް ބާވަތެއްގެ ކަންކުރުމަށް ނިންމިފައިވާ ގޮތެއްގެ ނަތީޖާއަކަށްވެފައި، އަދި، އެ މުއާމަލާތްތަކުން އެއްވެސް ފައިދާއެއްވީނަމަ، އެ ގެއްލުންވީ ޓެކްސް އަހަރުގެ ތެރޭގައި އެ މީހެއްގެ ޓެކްސް ބިނާކުރެވޭ ފައިދާގެ ބައެއްގެ ގޮތުގައި، އެ ފައިދާ ހިމެނިގެން މެނުވީ މި މާއްދާގެ ދަށުން އެއްވެސް އަދަދެއް ގެއްލުމެއްގެ ގޮތުގައި، ގެއްލުންވުމުން ދެވޭ އިނާޔަތް ހޯދުމަށް، އެއްވެސް މީހަކު ހުށަހަޅައިގެން ނުވާނެއެވެ.

(ބ) މި ގާނޫނަށް އަމަލުކުރަން ފެށޭ ދުވަހުގެ ކުރިން ނިމޭ ހިސާބުކުރުމުގެ މުއްދަތެއްގެ ތެރޭގައި ވެފައިވާ ގެއްލުންތަކެއް ފަހުގެ މުއްދަތަކަށް ނުގެންދެވޭނެއެވެ.

 

14 ވަނަ މާއްދާ - އިންށުއަރެންސް ކުންފުނިތަކާބެހޭ ހާއްސަ މާއްދާތައް

(ހ) މި ގާނޫނުގެ އެހެން އެއްވެސް މާއްދާއެއް އެހެންގޮތަކަށް މާނަކުރެވެން އޮތް ކަމުގައިވީނަމަވެސް، ތިރީގައިވާ މާއްދާތަކަށް އަމަލުކުރެވޭނެއެވެ.

(ށ) ލައިފް އިންށުއަރކޮށްދޭ ކުންފުންޏެއް ފިޔަވައި، އެހެން އިންށުއަރެންސް ކުންފުންޏަކަށް ލިބޭ ފައިދާގެ ނުވަތަ އިތުރުވާ އިތުރުވުންތަކުގެ އެއްބައި ލިބެނީ، ދިވެހިރާއްޖެއިން ބޭރުގައި ކަމަށްވާނަމަ، ޓެކްސް އަހަރެއްގައި ޓެކްސް ބިނާކުރެވޭ އިތުރުވުންތައް ނުވަތަ ފައިދާކަމުގައި ބަލާނީ:

  1. ދިވެހިރާއްޖެއިން ލިބިފައިވާ ނުވަތަ ލިބޭނެ ޖުމްލަ ފައިސާއާއި، އިންޓްރެސްޓްއާއި، އެހެން އާމްދަނީ (އިންށުއަރކޮށްފައިވާ ފަރާތްތަކަށް އަނބުރާ ދައްކާ ޕްރީމިއަމްއާއި، އަދި ރީ-އިންށުއަރކުރުމަށް ދައްކާ ޕްރީމިއަމް އުނިކުރުމަށްފަހު) އިން، އަދި؛
  2. މިގޮތަށް ހެދުމުން ލިބޭ ބާކީ އަދަދުން އެ ކުންފުނީގެ ހަރަކާތްތަކާގުޅޭ ގޮތުން އެފަދަ ރިސްކްތަކަށް އެ ކުންފުނިން ފަހަށް ބަހައްޓާ (ރިޒަރވް) ނިސްބަތަކުން އެ ހިސާބުކުރުމުގެ މުއްދަތު ނިމޭއިރު، ބޭނުންނުކޮށް ބެހެއްޓިފައިވާ ރިޒަރވް އުނިކުރުމަށްފަހު، އަދި؛
  3. އެ ހިސާބުކުރުމުގެ މުއްދަތު ފެށުނުއިރު، ދިމާވެފައިނުވާ އެފަދަ ރިސްކްތަކަށް އިސްވެ ބަޔާންކުރެވުނުގޮތަށް ހިސާބުކުރެވޭ ރިޒަރވް އެއްކުރުމަށްފަހު؛
  4. މިގޮތުން ނުކުންނަ ބާކީ އަދަދަކުން، ހަގީގީ ގެއްލުމުގެ އަދަދު (ރީ-އިންށުއަރަންސްގެ ދަށުން އަނބުރާ ލިބޭ އަދަދު އުނިކުރުމަށްފަހު) އާއި، ދިވެހިރާއްޖޭގައި އެޖެންސީ ހިންގުމަށް ދިޔަ ހަރަދާއި، އެ ކުންފުނީގެ މައި އޮފީހުގެ ހަރަދުތަކަށް އެކަށީގެންވާ ނިސްބަތެއް އުނިކުރުމުން ނުކުންނަ އަދަދެކެވެ.

(ނ) މި މާއްދާގެ (ރ) އާ ހިލާފުނުވާ ގޮތުގެމަތިން، ލައިފް އިންށުއަރކޮށްދޭ ކުންފުންޏެއްގެ (އެއީ، މިއުޗުއަލް ނުވަތަ ޕްރޮޕަރައިޓަރީ ކަމުގައިވިޔަސް) ޓެކްސް ބިނާކުރެވޭ ފައިދާކަމުގައިވާނީ، އިންވެސްޓްމަންޓުން ލިބޭ އާމްދަނީއިން ހިންގުމުގެ ހަރަދުތައް (ކޮމިށަން ހިމެނޭގޮތަށް) އުނިކުރުމުން ނުކުންނަ އަދަދެވެ.

(ރ) އެފަދަ ކުންފުންޏަކަށް ރާއްޖެއިން ބޭރުން ޕްރީމިއަމް ލިބޭނަމަ، ފައިދާ ނުވަތަ އިތުރުވުން ކަމުގައި ބަލާނީ، އެ ކުންފުންޏަށް ލިބުނު ޖުމްލަ ޕްރީމިއަމްތަކުގެ ތެރެއިން، ރާއްޖޭގައި އެޖެންސީ ހިންގުމަށް ހިނގާ ހަރަދާއި، އެ ކުންފުނީގެ މައި އޮފީހުގެ ހަރަދަށް އެކަށީގެންވާ ނިސްބަތެއް ކެނޑުމަށްފަހު، ރާއްޖެއިން ލިބުނު ޖުމްލަ ޕްރީމިއަމްތަކުގެ ނިސްބަތާ އެއްވަރަށް، އެ ކުންފުނީގެ ޖުމްލަ އިންވެސްޓްމަންޓް އާމްދަނީގެ ނިސްބަތްކަމުގައިވާ އަދަދެކެވެ.


2 ވަނަ ބާބު

ޓެކްސް ދެއްކުން އިސްތިސްނާވުން

 

15 ވަނަ މާއްދާ - ބޭންކުތަކާއި، ޗެރިޓީތަކާއި، ބޭރު އިންވެސްމެންޓްތަކަށް ދެވޭ އިސްތިސްނާ

(ހ) ތިރީގައިވާ ފަރާތްތަކަށް މި މާއްދާ ފިޔަވައި، މި ގާނޫނުގެ އެހެން އެއްވެސް މާއްދާއެއް ރައްދެއްނުވާނެއެވެ.

  1. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ؛
  2. ގާނޫނު ނަންބަރު 1986-01 (ދިވެހިރާއްޖޭގައި ހިނގަމުންދާ ވިޔަފާރި ބޭންކުތަކުގެ ފައިދާއިން ޓެކްސް ނެގުމާބެހޭ ގާނޫނު) ގެ ދަށުން، ބޭންކަށް ލިބޭ ފައިދާއިން ޓެކްސް ދައްކަންޖެހޭ އެއްވެސް ބޭންކެއް؛
  3. އިސްލާމްދީން ކުރިއެރުވުން، ފަގީރުންނަށް އެހީވުން، ސިއްހީ ހިދުމަތް ދިނުން، ތައުލީމުދިނުން ނުވަތަ އެފަދަ އާންމު މަންފާއެއް ކުރިއެރުވުމުގެ މަގްސަދުގައި ހަރަކާތްތެރިވުމަށް އުފައްދާފައިވާ އެމް.އައި.އާރް.އޭ އިން ހުއްދަކުރާ ޖަމާއަތެއް ނުވަތަ ޖަމްއިއްޔާއެއް ނުވަތަ އާންމު އިދާރާއެއް.

    (ށ) މި ގާނޫނަށް އަމަލުކުރަންފަށާ ދުވަހުގެ ފަހުން، ގާނޫނު ނަންބަރު 1979-25 (ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްމަންޓްއާބެހޭ ގާނޫނު) ގެ ދަށުން، ވެވޭ އެއްބަސްވުމެއްގެ ބައިވެރިއަކަށްވާ މީހަކަށް، އެ އެއްބަސްވުމުން މިފަދަ އިސްތިސްނާއެއް ދޭނަމަ، މި ގާނޫނުގެ ދަށުން ޓެކްސް ދެއްކުމުން އިސްތިސްނާ ވާނެއެވެ.

    (ނ) މި ގާނޫނަށް އަމަލުކުރަން ފަށާ ދުވަހުގެ ކުރިން، އެފަދަ އެއްބަސްވުންތަކުގައި ޓެކްސް ދެއްކުމުން އިސްތިސްނާކުރެވުނުކަމަށް ބުނެފައިވާ ބުނުމަކީ، މި ގާނޫނުގެ މަގްސަދަށްޓަކައި އެއްވެސް ބާރެއް ހިނގާނެ ބުނުންތަކެއް ނޫނެވެ.

16 ވަނަ މާއްދާ - ކަނޑުބޯޓު ނުވަތަ މަތިންދާބޯޓު ދުއްވުމުގެ ވިޔަފާރިތަކަށް ދެވޭ އިސްތިސްނާ

(ހ) ޓެކްސް އަހަރެއްގައި ދަތުރުފަތުރު ކުރަމުންގެންދާ ކަނޑުބޯޓެއް ނުވަތަ މަތިންދާބޯޓެއްގެ ވެރިއެއް ނުވަތަ އެފަދަ އުޅަނދެއް ޗާޓަރކޮށްގެން އުޅޭ މީހެއް، އެފަދަ ވެރިއެއް ނުވަތަ ޗާޓަރކޮށްގެން އުޅޭ މީހެއްގެ ގޮތުގައި ކުރާ އެފަދަ ވިޔަފާރިއެއްގެ ފައިދާއަކުން؛ އެމީހާ،

  1. ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާނަމަ؛ އަދި
  2. އެހެން އެއްވެސް ވިޔަފާރިއެއް ނުހިންގާނަމަ؛

އެފަދަ މީހަކު ވަޒަންވެރިވެފައިވާ ގައުމަކުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ މީހަކަށް ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސްއިން ނުވަތަ އެފަދަ އެހެން ޓެކްސްއަކުން އެފަދަ އިސްތިސްނާއެއް ދީފައިވާކަމަށް ކޮމިށަނަރ ޖެނެރަލްއަށް ގަބޫލުކުރެވޭނަމަ، ޓެކްސް ދެއްކުމުން އިސްތިސްނާވާނެއެވެ.

(ށ) މި މާއްދާގެ ބޭނުމަށްޓަކައި، ކުންފުންޏެއް ގައުމެއްގައި ވަޒަންވެރިވެފައިވާ ކަމަށް ބެލެވޭނީ އެ ކުންފުނި ހިންގުމުގެ މައިގަނޑު މަސައްކަތް ކޮންޓްރޯލް ކުރެވޭ ގައުމެއްގައެވެ.

3 ވަނަ ބާބު

ޓެކްސް ބަޔާނާއި، ޓެކްސް ބިނާކުރުމާއި، ޓެކްސް ދެއްކުން

 

17 ވަނަ މާއްދާ - ޓެކްސް ބަޔާނާއި އަމިއްލައަށް ޓެކްސް ބިނާކުރުނ

(ހ) ކުންފުނިތަކާއި ޕާޓްނަރށިޕްތަކުގެ އިތުރުން އެއްވެސް ގާނޫނެއްގެ ދަށުން، މާލީ ހިސާބުތައް ތައްޔާރުކުރަންޖެހޭ ފަރާތްތައް ފިޔަވައި، ގާނޫނު ނަންބަރު 2010-03 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ ދަށުން، ރަޖިސްޓަރީ ކުރަންޖެހޭ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އަހަރެއްގެ ޖުމްލަ އާމްދަނީ އެމް.އައި.އާރް.އޭ އިން ކަނޑައަޅާ ވަކި އަދަދަށްވުރެ އިތުރުނުވާނަމަ، އެ ފަރާތްތަކުން ޓެކްސް ބަޔާން ހުށަހެޅުމުން އިސްތިސްނާ ކުރެވިދާނެއެވެ.

(ށ) ކޮންމެ ޓެކްސް އަހަރެއްގައި، ޓެކްސް ދައްކަންޖެހޭ ކޮންމެ މީހަކު އެ އަހަރެއްގެ އެމީހެއްގެ "ޓެކްސް ބަޔާން" ތައްޔާރުކޮށް ހުށަހަޅަންޖެހޭނެއެވެ. އަދި ތިރީގައިވާ މައުލޫމާތު އެލިޔުމުގައި ހިމަނަންޖެހޭނެއެވެ.

  1. މި ގާނޫނާއެއްގޮތަށް ތައްޔާރުކުރެވިފައިވާ އެމީހެއްގެ އެ އަހަރުގެ ޓެކްސް ބިނާކުރެވޭ ފައިދާ ނުވަތަ އެ އަހަރު ލިބިފައިވާ ގެއްލުމުގެ ހިސާބުކުރުމެއް؛ އަދި
  2. މި ގާނޫނުގެ ދަށުން އެމީހަކު އެ އަހަރަކަށް ދައްކަންޖެހޭނެ ޓެކްސްއެއްވާނަމަ، އެ ޓެކްސްގެ ބިނާކުރުމެއް.

(ނ) އެއްވެސް ޓެކްސް އަހަރެއްގައި މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން، އެއްވެސް މީހަކު ހުށަހަޅާ ޓެކްސް ބަޔާނެއްގައި ހިމެނޭ ބިނާކުރުމަކީ، އެ އަހަރަށް އެމީހަކު ދައްކަންޖެހޭ ޓެކްސްގެ ބިނާކުރުމެވެ. އަދި އެއީ އަމިއްލައަށް ބިނާކުރުންކަމަށް ކިޔޭނެއެވެ

(ރ) ޓެކްސް އަހަރެއްގެ ތެރޭގައި ނިމޭ އެއްވެސް މުއްދަތަކަށް ހިސާބުތައް ތައްޔާރުކުރުން އެއްވެސް މީހެއްގެ މައްޗަށް ގަވާއިދުން ލާޒިމުކުރާނަމަ، އެ ޓެކްސް އަހަރުގެ އެ މީހެއްގެ ޓެކްސް ބަޔާން އެމް.އައި.އާރް.އޭ އަށް ހުށަހަޅަންޖެހޭނީ ތިރީގައިވާ ތާރީހުތަކުގެ ތެރެއިން ފަހުން އަންނަ ތާރީހުގައެވެ.

  1. އެ އަހަރުގައި ނިމޭ އެމީހެއްގެ ހިސާބުކުރާ މުއްދަތު ހަމަވާ ދުވަހުން ފެށިގެން 6 (ހައެއް) މަސްދުވަސް ހަމަވާ ތާރީހު؛ ނުވަތަ
  2. ވިދިގެން އަންނަ ޓެކްސް އަހަރުގެ އޭޕްރީލް 30؛

(ބ) މި މާއްދާގެ (ރ) ގައި ނުހިމެނޭ މީހަކު ހުށަހަޅަންޖެހޭ ޓެކްސް ބަޔާނެއް ހުށަހަޅަންޖެހޭނީ، ވިދިގެން އަންނަ ޓެކްސް އަހަރުގެ 30 އޭޕްރީލްގައި ނުވަތަ އޭގެ ކުރިންނެވެ.

(ޅ) އެއްވެސް އަހަރެއްގައި މީހެއްގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި، އެ އަހަރަކު އެމީހާއަށް ގެއްލުމެއް ލިބިފައިވާކަމަށް ދައްކާނަމަ، އެމީހެއްގެ އެ އަހަރެއްގެ ޓެކްސް ބަޔާނުގައި އެ ގެއްލުމުގެ އަދަދު ބަޔާންކުރަންވާނެއެވެ.

(ކ) މި ގާނޫނުގައި ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ދުވަސްކަމުގައި ބުނެފައި އެވަނީ، މި މާއްދާގެ ދަށުން އެމް.އައި.އާރް.އޭ އަށް އެ ޓެކްސް ބަޔާން ހުށަހަޅަންޖެހޭ އެންމެފަހު ދުވަހަށް ނިސްބަތްކޮށްފައެވެ.

 

18 ވަނަ މާއްދާ - ބައެއް ހާލަތްތަކުގައި ޓެކްސް ބަޔާން ހުށަހެޅުމަށް އެންގުމަށް އެމް.އައި.އާރް.އޭ އަށް ލިބިގެންވާ ބާރު

(ހ) މި މާއްދާ ރައްދުވާނީ އެއްވެސް މީހަކު ދިވެހިރާއްޖެ ދޫކޮށްފައި ދާން ގަސްތުކުރާކަން ނުވަތަ ކުންފުންޏެއްނަމަ، އުވާލުން ނޫންގޮތަކަށް ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވުން ހުއްޓާލަން ގަސްތުކުރާކަން، ނުވަތަ އެއްވެސް ފައިސާއެއް ނުވަތަ މުދަލެއް ދިވެހިރާއްޖެއިން ބޭރަށް ބަދަލުކުރަން ގަސްތުކުރާކަން، އަދި މިކަމުގެ ސަބަބުން އާމްދަނީއަށް އުނިކަމެއް އަތުވެދާނެކަމަށް އެމް.އައި.އާރް.އޭ އަށް ގަބޫލުކުރެވޭ ކޮންމެ ހާލަތެއްގައެވެ.

(ށ) އެމް.އައި.އާރް.އޭ ގެ އެންގުމަކުން، އެ އެންގުމުގައި ބަޔާންކޮށްފައިވާ މުއްދަތެއްގެ ނުވަތަ މުއްދަތުތަކެއްގެ ޓެކްސް ބަޔާން 7 (ހަތެއް) ދުވަހުގެ ތެރޭގައި ނުވަތަ އެމް.އައި.އާރް.އޭ އިން އެ އެންގުމުގައި ކަނޑައަޅާ އެއަށްވުރެ ދިގު މުއްދަތެއްގެ ތެރޭގައި، ހުށަހެޅުމަށް އެމް.އައި.އާރް.އޭ އިން އެމީހަކަށް އެންގިދާނެއެވެ. އަދި އެ ބަޔާނުގައި ތިރީގައިވާ މައުލޫމާތުތައް ހިމަނަންޖެހޭނެއެވެ.

  1. މި ގާނޫނާ އެއްގޮތަށް ތައްޔާރުކުރެވިފައިވާ އެމީހެއްގެ އެ މުއްދަތުގެ ޓެކްސް ބިނާކުރެވޭ ފައިދާ ނުވަތަ އެ މުއްދަތުގައި ލިބިފައިވާ ގެއްލުމުގެ ހިސާބު.
  2. މި ގާނޫނުގެ ދަށުން، އެމީހަކު އެ މުއްދަތަކަށް ދައްކަންޖެހޭނެ ޓެކްސްއެއްވާނަމަ، އެ ޓެކްސްގެ ބިނާކުރުމެއް

(ނ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން، އެއްވެސް މީހަކު އެއްވެސް މުއްދަތަކަށް ބިނާކޮށް ހުށަހަޅާ ޓެކްސް ބަޔާނެއްގައި ހިމެނޭ ބިނާކުރުމަކީ، އެ މުއްދަތު ނުވަތަ މުއްދަތުތައް، ނިމޭ ޓެކްސް އަހަރަށް ނުވަތަ އަހަރުތަކަށް އެމީހަކު ދައްކަންޖެހޭ ޓެކްސްގެ ބިނާކުރުމެކެވެ. މިގޮތަށް ބިނާކުރާ ކުރުމަށް ކިޔާނީ، އަމިއްލައަށް ޓެކްސް ބިނާކުރުން ކަމުގައެވެ. އަދި މިގޮތަށް ބިނާކުރެވޭ ކޮންމެ ޓެކްސްއެއްވާނީ، މި ގާނޫނުގެ އެހެން އެއްވެސް މާއްދާއެއް އެހެން ގޮތަކަށް މާނަކުރެވެންއޮތް ކަމުގައިވީނަމަވެސް، އެ ބަޔާނެއް ހުށަހަޅަންޖެހޭ ދުވަހުން ފެށިގެން ނުވަތަ އެ ގަސްތުކޮށްފައިވާ ފުރުން ނުވަތަ ބަދަލުކުރުން ނުވަތަ ދިވެހިރާއްޖޭގައި އެ ކުންފުނި ވަޒަންވެރިވެފައިވުން ނިމުމަކަށް އަންނަ ދުވަހުން ފެށިގެން (މިއިން އެންމެ އަވަހަށްޖެހޭ ދުވަހަކުން ފެށިގެން) 7 (ހަތެއް) ދުވަހުގެ ތެރޭގައި ދައްކަންޖެހޭ އެއްޗަކަށެވެ.

(ރ) މި މާއްދާގެ ދަށުން ހުށަހެޅޭ ބަޔާނެއްގައި، ފައިދާ ނުވަތަ ގެއްލުންތަކުގެ އަދަދު ހިސާބުކުރުމުގެ މަގްސަދަށްޓަކައި، މި ގާނޫނުގައި ޓެކްސް އަހަރުކަމަށް ނުވަތަ ހިސާބުކުރުމުގެ މުއްދަތުކަމަށް ބުނެފައިވާ ހާލަތްތަކުގައި މާނަކުރާނީ، އެ އެންގުމުގައި ކަނޑައަޅާފައިވާ މުއްދަތަކަށް ނިސްބަތްކުރާ ކަމަށެވެ.

(ބ) އެ އެންގުމަކާއެއްގޮތަށް ހުށަހެޅޭ ބަޔާނެއް ފުރިހަމަ ޓެކްސް އަހަރަކާ ދިމާނުވާނަމަ، މި ގާނޫނުގައި އިންޓްރެސްޓްއާއި، ޖޫރިމަނާއާގުޅޭ މާއްދާތަކާއި، ޓެކްސްއާއި، އިންޓްރެސްޓްއާއި، ޖޫރިމަނާ ހޯދުމާގުޅޭ މާއްދާތައް ހިންގޭނީ، އެއީ ޓެކްސް އަހަރެއްގެ ގޮތުގައި ބަލައިގެންނެވެ.

(ޅ) އެއްވެސް ތާރީހެއްގައި އެއްވެސް މީހެއްގެ މައްޗަށް މި މާއްދާގެ (ހ) ގެ ދަށުން ބަޔާނެއް ހުށަހަޅަން އަންގާ އެންގުމެއްގައި އެމީހަކު އެ ތާރީހެއްގެ ކުރިން މި ގާނޫނުގެ 17 ވަނަ މާއްދާގެ ދަށުން ހުށަހަޅާފައިވާ ޓެކްސް ބަޔާނެއްގައި ހިމެނޭ އެއްވެސް މުއްދަތެއް ހިމެނިގެން ނުވާނެއެވެ.

(ކ) މި މާއްދާގެ ދަށުން ޓެކްސް ބަޔާނެއް ހުށަހެޅުމުން، 17 ވަނަ މާއްދާގެ ދަށުން ހުށަހަޅަންޖެހޭ ބަޔާނެއް ހުށަހަޅަންޖެހުމުން އެއްކިބައެއް ނުވެއެވެ. އެހެންނަމަވެސް، މި މާއްދާގެ ދަށުން ހުށަހަޅާ ބަޔާނަކަށް ބިނާކޮށް އެމް.އައި.އާރް.އޭ އަށް ޓެކްސް ދައްކާފައިވަނިކޮށް، 17 ވަނަ މާއްދާގައިވާ ބަޔާނެއް ހުށަހަޅައިފިނަމަ، 17 ވަނަ މާއްދާގެ ބަޔާނުގައި ޓެކްސް ބިނާކުރާ ފައިދާ ނުވަތަ ގެއްލުމުގެ އަދަދުން، މި މާއްދާގެ ދަށުން ހުށަހަޅާ ޓެކްސް ބަޔާނުގައިވާ ޓެކްސް އުނިކުރަންޖެހޭނެއެވެ.

 

19 ވަނަ މާއްދާ - ޓެކްސް ބަޔާން އިސްލާހުކުރުން

(ހ) އެމީހަކު ހުށަހަޅާފައިވާ ޓެކްސް ބަޔާނެއް އިސްލާހުކުރަން ބޭނުންވާ މީހަކު އެ ބަޔާނެއް ހުށަހަޅަންޖެހޭ ތާރީހުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި އެމް.އައި.އާރް.އޭ އަށް ފޮނުވާ އެންގުމަކުން، އެ ބަޔާން އިސްލާހުކުރެވިދާނެއެވެ.

(ށ) އެމް.އައި.އާރް.އޭ އިން މީހެއްގެ ޓެކްސް ބަޔާނުގައި ފެންނަން ހުރި ކުށްތަކާއި، އުނިވެފައިހުރި ބައިތައް، އެ ބަޔާނެއް ހުށަހަޅަންޖެހޭ ތާރީހުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި، ނުވަތަ އެ ބަޔާނެއް ހުށަހެޅުނީ، އެ ހުށަހަޅަންޖެހޭ ތާރީހުގެ ފަހުން ކަމުގައިވާނަމަ، އެ ހުށަހެޅުނު ދުވަހުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި އެ މީހަކަށް ފޮނުވާ އެންގުމަކުން އެ ބަޔާން އިސްލާހުކުރެވިދާނެއެވެ.

(ނ) މީހަކު ފޮނުވާފައިވާ ޓެކްސް ބަޔާން އިސްލާހުކުރުމުގެ އެންގުން އެމް.އައި.އާރް.އޭ އަށް އެ ލިބޭތާ، 12 (ބާރަ) މަސްދުވަހުގެ ތެރޭގައި އެ އެންގުމުގައިވާ ފެންނަންހުރި ކުށްތަކާއި، އުނިވެފައިހުރި ބައިތައް، އެ މީހަކަށް ފޮނުވާ އެންގުމަކުން، އެ ބަޔާން އިސްލާހުކުރެވިދާނެއެވެ. އަދި މި އެންގުމަށް އަމަލުކުރެވޭނީ، ޓެކްސް ބަޔާނަށް ގެނައި އިސްލާހެއްގެ ގޮތުގައެވެ.

(ރ) މި މާއްދާގެ ދަށުން އަމަލުކުރެވޭ އިސްލާހެއް ބެލެވޭނީ، އެމް.އައި.އާރް.އޭ އަށް އެންމެ ފުރަތަމަ ފަހަރު އެ ޓެކްސް ބަޔާން ލިބުނުއިރުވެސް އެ އިސްލާހު ހިމެނިފައިވާ ކަމުގައެވެ

 

20 ވަނަ މާއްދާ - ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުން

(ހ) އެމް.އައި.އާރް.އޭ އަށް، މި މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން، ކޮންމެ މީހަކަށްވެސް އަންގާ އެންގުމަކުން، އެ އެންގުމުގައި ކަނޑައެޅި ބަޔާންކުރެވިފައިވާ ޓެކްސް އަހަރު ނުވަތަ އަހަރުތަކެއްގައި އެމީހެއްގެ ޓެކްސްގެ ކަންތައްތަކަށް ބަލަން ގަސްތުކުރާކަމާއި، މި ބެލުމުގެ މަގްސަދަކީ އެ ބުނެވިފައިވާ އަހަރުތަކުގައި އެމީހެއްގެ ޓެކްސް ބިނާކުރެވޭ ފައިދާ ނުވަތަ ގެއްލުން އަދި ބިނާކުރެވުނު ޓެކްސް ސާފުކުރުންކަމުގައި ބަޔާންކޮށް، އެންގިދާނެއެވެ. އަދި މިފަދަ އެންގުންތަކަށް، މި ގާނޫނުގައި ނިސްބަތްކުރާނީ، "ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުން" މިގޮތަށެވެ.

(ށ) މި މާއްދާގެ (ނ) އާ ތައާރުޒްނުވާ ގޮތުގެމަތިން، އެއްވެސް މީހަކު ޓެކްސް އަހަރެއްގެ ޓެކްސް ބަޔާނެއް ހުށަހެޅީ، ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ދުވަހު ނުވަތަ އެއަށްވުރެ ކުރިންކަމަށްވާނަމަ، ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ދުވަހުން ފެށިގެން 12 (ބާރަ) މަސްދުވަސް ހަމަވުމުގެ ކުރިން އެމީހަކަށް ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުމެއް އޭނާއަށް ފޮނުވިދާނެއެވެ.

(ނ) އެއްވެސް މީހަކު ޓެކްސް އަހަރެއްގެ ޓެކްސް ބަޔާނެއް ހުށަހަޅާފައިވަނީ، ބަޔާން ހުށަހަޅަންޖެހޭ ދުވަހުގެ ފަހުންކަމަށް ވަނީނަމަ، ނުވަތަ މި ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން، ޓެކްސް އަހަރެއްގެ ޓެކްސް ބަޔާނެއް އިސްލާހުކުރިކަމުގެ އެންގުމެއް ފޮނުވާފައިވާނަމަ، އެ ބަޔާން ހުށަހެޅި ދުވަހުން، ނުވަތަ އެ އިސްލާހުކުރިކަމުގެ އެންގުމުގެ ތާރީހުން ފެށިގެން 12 (ބާރަ) މަސްދުވަސް ހަމަވުމުގެ ކުރިން އެމީހަކަށް ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުމެއް އޭނާއަށް ފޮނުވިދާނެއެވެ.

(ރ) ޓެކްސް އަހަރެއްގެ ޓެކްސް ބަޔާނެއް މީހަކު ހުށަހަޅާފައިނުވާނަމަ، އެމް.އައި.އާރް.އޭ އިން އެ މީހަކަށް ކޮންމެ ވަގުތެއްގައިވެސް ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުމެއް ފޮނުވިދާނެއެވެ.

(ބ) އަދި އެމް.އައި.އާރް.އޭ އިން، މި ގާނޫނުގެ 26 ވަނަ މާއްދާގެ ދަށުން ވިތްހޯލްޑިންގ ޓެކްސްގެ، ޓެކްސް ބަޔާނެއް ހުށަހަޅާފައިވާ ކޮންމެ މީހަކަށްވެސް، ނުވަތަ އެކަށީގެންވާ ސަބަބުތަކެއް ހުރެގެން އެމް.އައި.އާރް.އޭ އަށް ގަބޫލުކުރެވޭ ގޮތުގައި އެ މާއްދާއާ އެއްގޮތަށް ބަޔާނެއް ހުށަހަޅާފައިނުވާ މީހަކަށް، އެމީހަކު އެމް.އައި.އާރް.އޭ އަށް ދައްކަންޖެހޭ ފުރިހަމަ މިންވަރަށް ވިތްހޯލްޑިންގ ޓެކްސް ދައްކައިފިކަން ސާބިތުކުރުމުގެ މަގްސަދުގައި، ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުމެއް ފޮނުވިދާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގެ ދަށުން ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުމެއް، ވިތްހޯލްޑިންގ ޓެކްސްގެ، ޓެކްސް ބަޔާނެއް ހުށަހަޅާފައިވާ ދުވަހުން ފެށިގެން 12 (ބާރަ) މަސްދުވަސް ހަމަވުމުގެ ކުރިން، އަދި އެ ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުމުގެ ތާރީހުގެ ކުރިއަށް ހިނގާފައިވާ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ދައްކާފައިވާ ނުވަތަ ލިބިފައިވާ އެއްވެސް ފައިސާއަކާގުޅޭ ގޮތުން އެންގިދާނެއެވެ.

(ކ) އެކަށީގެންވާ ސަބަބުތަކެއް ހުރެގެން އެމް.އައި.އާރް.އޭ އަށް ގަބޫލުކުރެވޭ ގޮތުގައި އެއްވެސް މީހަކު ގަސްތުގައި ނުވަތަ މަކަރާއި ހީލަތުން ވިތްހޯލްޑިންގ ޓެކްސްވެސް ހިމެނޭގޮތަށް، އެއްވެސް ޓެކްސްއެއް ދެއްކުމުން ރެކިފައިވާކަމަށް ވާނަމަ، އެފަދަ ގޮތަކަށް ގަބޫލުކުރެވޭވަރަށް ނުވަތަ ގަބޫލުކުރެވިދާނެވަރަށް ފުދޭވަރުގެ މައުލޫމާތު އެމް.އައި.އާރް.އޭ އަށް ލިބޭތާ 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައި، ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުމެއް ފޮނުވިދާނެއެވެ

 

21 ވަނަ މާއްދާ - އެމް.އައި.އާރް.އޭ ގެ ބިނާކުރުން

(ހ) މި މާއްދާ ރައްދުވާނީ، އެއްވެސް ޓެކްސް އަހަރަކާމެދު ("ހިލާފުވި އަހަރު") އެއްވެސް މީހަކަށް ("ހިލާފުވި މީހާ") ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުމެއް އަންގާފައިވާނަމައެވެ. އަދި މި މާއްދާގެ ދަށުން ނިންމާ ނިންމުމަކަށް ނިސްބަތްކުރާނީ "އެމް.އައި.އާރް.އޭ ގެ ބިނާކުރުން" މިހެންނެވެ.

(ށ) އެމް.އައި.އާރް.އޭ އިން، އެފަރާތަށް ލިބިފައިވާ މައުލޫމާތާއި، ގަބޫލުކުރެވޭގޮތަށް ބަލާފައި އެންމެ ރަނގަޅުގޮތަކަށް، ހިލާފުވި އަހަރުގެ ހިލާފުވި މީހާގެ ޓެކްސް ބިނާކުރެވޭ ފައިދާ ނުވަތަ ގެއްލުންތަކުގެ އަދަދާއި، އަދި އެ އަހަރަށް އެ ފައިދާއިން ނުވަތަ އެ އަހަރަށް އެ މީހަކަށް ލިބިފައިވާ ގެއްލުމުން، ޓެކްސް ދައްކަންޖެހޭނެނަމަ، އެ ޓެކްސްގެ އަދަދެއް، ކަނޑައަޅައި ނިންމިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ނިންމާފައިވާ ގޮތެއް، އެ ހިލާފުވި މީހާއަށް އަންގަންވާނެއެވެ. މިގޮތުން:

  1. އެ ހިލާފުވި އަހަރަށް ޓެކްސް ބަޔާނެއް ލިބިފައިވާނަމަ، (ހުށަޅަންޖެހޭ ދުވަހަށް ނުވަތަ އެއަށްވުރެ ފަހުން ނަމަވެސް)، އެ އެންގުންވާނީ، އެ ޓެކްސް ބަޔާނަށް ގެނެވޭ އިސްލާހެއް (އެ ބަޔާނެއްގެ ތާރީހުން ފެށިގެން ނުވަތަ ބަޔާން ހުށަހަޅަންޖެހޭ ދުވަސް، މިއިން ކުރިން އަންނަ ދުވަހެއް) ކަމަށެވެ. ނުވަތަ؛
  2. އެފަދަ ޓެކްސް ބަޔާނެއް ނެތްނަމަ، އެ އެންގުން ވާނީ، މި މާއްދާގެ ދަށުން ހިލާފުވި އަހަރަށް ކުރެވުނު ޓެކްސް ބިނާކުރެވުމެއްކަމަށެވެ.
  3. (ރ) މި މާއްދާގެ (ނ) ގެ ދަށުން އަންގާ އެންގުމެއް އޮންނަންޖެހޭނީ ލިޔުމަކުންނެވެ. އަދި އެ އެންގުމުގައި ތިރީގައިވާ މައުލޫމާތު ހިމަނަންޖެހޭނެއެވެ.
  4. ހިލާފުވި މީހާގެ ނަމާއި، އެޑްރެސް؛
  5. ހިލާފުވި އަހަރު؛
  6. މި މާއްދާގެ (ށ) ގެ ދަށުން ހިލާފުވި އަހަރަށް އެމް.އައި.އާރް.އޭ އިން ކަނޑައެޅި ޓެކްސް ބިނާކުރެވޭ ފައިދާ ނުވަތަ ގެއްލުމުގެ އަދަދު؛
  7. ރަޖިސްޓަރީކޮށްފައިވާ ފަރާތުގެ ޓިން؛
  8. ދައްކަންޖެހޭ ކަމަށް ކަނޑައެޅުނު ޓެކްސްގެ އަދަދު؛
  9. ކަނޑައެޅުނު ޓެކްސްގެ އަދަދު ދައްކަންޖެހޭ ތާރީހު؛

(ބ) މި މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގެ ދަށުން، މީހެއްގެ މައްޗަށް ބިނާކުރެވުނު ޓެކްސްއެއް، އެބިނާކުރުމަށް ރައްދުވާނެ އިންޓްރެސްޓް ނުވަތަ އަދަބުތައް ކަނޑައެޅުމުގެ ބޭނުމަށްޓަކައި، ބެލެވޭނީ، އެމީހެއްގެ ހިލާފުވީ އަހަރުގެ ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ދުވަހު ބިނާކުރެވުނުކަމަށެވެ.

(ޅ) ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުމުގައި އެއް އަހަރަށްވުރެ ގިނަ އަހަރު ހިމަނާފައިވާނަމަ، އެއިން ކޮންމެ އަހަރަކަށްވެސް މި މާއްދާގެ (ށ) ، (ނ) ، (ރ) ، އަދި (ބ) ވަކިވަކިން ރައްދުވާނެއެވެ

(ކ) ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުން އެމީހަކަށް އެންގޭތާ 3 (ތިނެއް) އަހަރުދުވަސް ހަމަވާ ފަހުން މި މާއްދާގެ (ނ) ގެ ދަށުން، އެންގުމެއް އަންގައިގެން ނުވާނެއެވެ

 

22 ވަނަ މާއްދާ - ލިޔެކިޔުންތައް، ހިސާބުތައް އަދި އޮޑިޓްކުރުން

ޓެކްސް ދައްކަންޖެހޭ އެއްވެސް މީހަކު ބަލަހައްޓަންޖެހޭ ލިޔެކިޔުންތަކާއި، ޓެކްސް އަހަރެއްގައި ޓެކްސް ބަޔާނެއް ހުށަހަޅަންޖެހޭ ކޮންމެ މީހަކު ބަލަހައްޓަންޖެހޭ އަދި އެމް.އައި.އާރް.އޭ އަށް ފޮނުވަންޖެހޭ ހިސާބުތަކާއި، އެފަދަ ހިސާބުތައް އޮޑިޓްކުރުމާބެހޭ ގޮތުން ގަވާއިދު ހެދުމުގެ ބާރު ކޮމިށަނަރ ޖެނެރަލް އަށް ލިބިގެންވެއެވެ

 

23 ވަނަ މާއްދާ - އިންޓެރިމް ޕޭމަންޓް

(ހ) ޓެކްސް އަހަރެއްގައި، މި މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން، ފުރިހަމަ އިންޓެރިމް ޕޭމަންޓް، އެ ޓެކްސް އަހަރުގެ ޖުލައި މަހުގެ 31 ގައި ނުވަތަ އޭގެ ކުރިން، އަދި ދެވަނަ އިންޓެރިމް ޕޭމަންޓް ޖެހިގެން އަންނަ ޓެކްސް އަހަރުގެ ޖެނުއަރީ މަހުގެ 31 ގައި ނުވަތަ އޭގެ ކުރިން އެމް.އައި.އާރް.އޭ ގެ އެއްވެސް އެންގުމަކާ ނުލައި ދައްކަންޖެހޭނެއެވެ.

(ށ) މި ގާނޫނުގެ ދަށުން ޓެކްސް އަހަރެއްގައި ޓެކްސް ދައްކަންޖެހޭ މީހެއްނަމަ، ފުރަތަމަ އަދި ދެވަނަ އިންޓެރިމް ޕޭމަންޓް ނިމިގެންދިޔަ ޓެކްސް އަހަރުގެ އޭނާގެ ބިނާކުރެވުނު ޓެކްސްގެ އަދަދުގެ ދެބައިކުޅަ އެއްބަޔާއެއްވަރުގެ އަދަދަކަށް ވާންޖެހޭނެއެވެ.

(ނ) ނިމިގެންދިޔަ ޓެކްސް އަހަރުގައި، މި ގާނޫނުގެ ދަށުން ޓެކްސް ދައްކަންޖެހޭ މީހެއްނޫންނަމަ، އެމީހަކު ޖެހޭނީ ޖެހިގެން އަންނަ ޓެކްސް އަހަރުގައި އޭނާގެ ބިނާކުރެވޭނެ ޓެކްސްގެ އަދަދު އަދުލުވެރިގޮތަކަށް ލަފާކުރުމަށްފަހު، މި މާއްދާގެ (ހ) ގެ ދަށުން ދައްކާ ފުރަތަމަ އަދި ދެވަނަ އިންޓެރިމް ޕޭމަންޓްގެ އަދަދު، ޖެހިގެން އަންނަ ޓެކްސް އަހަރުގެ އޭނާގެ ބިނާކުރެވޭނެ، ޓެކްސްގެ ލަފާކުރެވޭ އަދަދުގެ ދެބައިކުޅަ އެއްބަޔާއެއްވަރުގެ އަދަދަކަށް ވާންޖެހޭނެއެވެ.

(ރ) މި ގާނޫނުގެ ދަށުން ޓެކްސް ދައްކަންޖެހޭ ފުރަތަމަ އަހަރުގައި، ޓެކްސް ދައްކަންޖެހޭ މީހެއްނަމަ، އެމީހަކު ޖެހޭނީ އެ ޓެކްސް އަހަރުގައި އޭނާގެ ބިނާކުރެވޭނެ ޓެކްސްގެ އަދަދު އަދުލުވެރި ގޮތަކަށް ލަފާކުރުމަށްފަހު، މި މާއްދާގެ (ހ) ގެ ދަށުން، ފުރަތަމަ ދައްކާ ފައިސާއާއި ދެވަނައަށް ދައްކާ ފައިސާ، މިއިން ކޮންމެ އެއްޗެއް، ޓެކްސް އަހަރުގައި އޭނާގެ ބިނާކުރެވޭނެ، ޓެކްސްގެ ލަފާކުރެވޭ އަދަދުގެ ދެބައިކުޅަ އެއްބަޔާއެއްވަރުގެ އަދަދަކަށް ވާންޖެހޭނެއެވެ.

(ބ) ޓެކްސް ބަޔާނެއް ހުށަހަޅަންޖެހޭ ދުވަހަށް ހުށަހެޅިފައިވީ ނަމަވެސް، ނުވަތަ ހުށަނޭޅޭ ނަމަވެސް، ނުވަތަ މި ގާނޫނުގެ 20 ވަނަ މާއްދާ ނުވަތަ 21 ވަނަ މާއްދާގެ ދަށުން، އިސްލާހުކުރެވުނު ނުވަތަ ބަދަލުކުރެވުނު ނަމަވެސް ނުވަތަ ނޫން ނަމަވެސް، މި މާއްދާ ރައްދުވާނެއެވެ.

(ޅ) މި ގާނޫނުގެ 6 ވަނަ މާއްދާގެ ދަށުން، ވިތްހޯލްޑިންގ ޓެކްސްއަކަށް މި މާއްދާއެއް ރައްދެއްނުވާނެއެވެ.

(ކ) ނިމިގެންދިޔަ ޓެކްސް އަހަރުގައި އެއްވެސް މީހެއްގެ ބިނާކުރެވުނު ޓެކްސްގެ އަދަދަކީ 2,000 (ދެހާސް) ރުފިޔާ އަށްވުރެ ބޮޑު ނޫން އަދަދެއްނަމަ، ނޫނީ މި މާއްދާގެ (ނ) ނުވަތަ (ރ) ގެ ދަށުން ކުރިއަށް ދައްކާ އިންޓެރިމް ޕޭމެންޓްގެ ޖުމްލައަކީ 2,000 (ދެހާސް) ރުފިޔާ އަށްވުރެ ބޮޑު ނޫން އަދަދެއްނަމަ، މި މާއްދާއެއް ރައްދެއްނުވާނެއެވެ.

(އ) މި މާއްދާގެ ދަށުން ޓެކްސް ދައްކަންޖެހޭ ދުވަހު ނުވަތަ އެ ދުވަހުގެ ކުރިން ނުދައްކާ ޓެކްސްއަށް، އެ ޓެކްސް ދައްކަންޖެހޭ ދުވަހުގެ ފަހުން 1 (އެކެއް) މަސް ދުވަހުން ފެށިގެން ނުދައްކާހުރި ޓެކްސް ދައްކާ ނިމެންދެން އަހަރަކު %5 (ފަހެއް އިންސައްތަ) ގެ ރޭޓްއިން "އިންޓްރެސްޓް" ދައްކަންޖެހޭނެއެވެ

 

24 ވަނަ މާއްދާ - ފައިނަލް ޕޭމަންޓް

(ހ) ފައިނަލް ޕޭމަންޓެއްގެ ގޮތުގައި އެއްވެސް އަދަދެއް ދައްކަންޖެހިފައިވާނަމަ، މި ގާނޫނުގެ 17 ވަނަ މާއްދާގެ ދަށުން، ޓެކްސް ބަޔާނެއް ހުށަހަޅަންޖެހޭ ކޮންމެ މީހަކުވެސް، އެ ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ދުވަހުގެ ކުރިން، އެމް.އައި.އާރް.އޭ ގެ ފަރާތުން އެއްވެސް އެންގުމަކާނުލައި، މި މާއްދާގެ ދަށުން އެ އަހަރަކަށް ދައްކަންޖެހޭ ޓެކްސްގެ ފައިސާ ދައްކަންޖެހޭނެއެވެ.

(ށ) ޓެކްސް އަހަރެއްގައި މި މާއްދާގެ ދަށުން، އެއްވެސް މީހަކު ދައްކަންޖެހޭ ޓެކްސްގެ ފައިސާގެ އަދަދަށް ވާނީ (ހުރިނަމަ) ، އެ އަހަރަށް އެ މީހެއްގެ ބިނާކުރެވުނު ޓެކްސްގެ އަދަދުގެ ތެރެއިން ތިރީގައިވާ އަދަދުތަކުގެ ޖުމްލައަށްވުރެ އިތުރުވާ އަދަދެވެ.

  1. ޓެކްސް އެ އަހަރުގެ އެ މީހަކު ދައްކާފައިވާ އިންޓެރިމް ޕޭމަންޓްތައް، އަދި؛
  2. އޭގެ ކުރީގެ އެއްވެސް ޓެކްސް އަހަރެއްގައި އިތުރަށް ދެއްކިފައިވާ އަދި އެމް.އައި.އާރް.އޭ އިން އެ މީހަކަށް އަނބުރާ ނުދައްކާ ހުރި އެއްވެސް އަދަދެއްގެ ޓެކްސް

(ނ) މި މާއްދާގެ ދަށުން ޓެކްސް ދައްކަންޖެހޭ ދުވަހު ނުވަތަ އެ ދުވަހުގެ ކުރިން ނުދައްކާ ޓެކްސްއަށް، އެ ޓެކްސް ދައްކަންޖެހޭ ދުވަހުގެ ފަހުން 1 (އެކެއް) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެން ޓެކްސް ދައްކާ ނިމެންދެން އަހަރަކު %5) ފަހެއް އިންސައްތަ) ގެ އިންޓްރެސްޓް ދައްކަންޖެހޭނެއެވެ

 

25 ވަނަ މާއްދާ - ވިތްހޯލްޑިންގ ޓެކްސް ހިސާބުކުރުމާއި، ދެއްކުން

(ހ) މި ގާނޫނުގެ 6 ވަނަ މާއްދާގައި ބުނާ އެއްވެސް ފައިސާއަކަށް ނިސްބަތްކޮށް ޓެކްސް ބިނާކޮށްފައިވާނަމަ؛

  1. އެ ފައިސާ ދައްކަންޖެހޭ މީހާ ދައްކަންޖެހޭ ޖުމްލަ ފައިސާއިން އެ ޓެކްސްގެ އަދަދު ކަނޑަންވާނެއެވެ. އަދި؛
  2. އެ ޓެކްސްއަކީ، ފައިސާ ދައްކަންޖެހޭ މީހާ އެމް.އައި.އާރް.އޭ އަށް ދައްކަންޖެހޭނެ ޓެކްސްއެއްކަމަށް ބަލައި، އެމީހެއްގެ ފަރާތުން އެ ޓެކްސް ނެގޭނެއެވެ. އަދި؛
  3. އެ ދައްކާފައިވާ ފައިސާ ދެއްކި ތާރީހު ނުވަތަ ހިސާބުތަކުން އަޅައިކެނޑުނު ތާރީހު، މިއިން އަވަހަށް އަންނަ ދުވަހެއް ހިމެނޭ މަހާއި ޖެހިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެމް.އައި.އާރް.އޭ އަށް އެ ޓެކްސް ދައްކަންޖެހޭނެއެވެ.

(ށ) ދައްކާފައިވާ އެއްވެސް ފައިސާއަކުން މި މާއްދާގެ (ހ) ގެ ދަށުން، ޓެކްސް ކަނޑަންޖެހޭ މީހާ ތިރީގައިވާ މައުލޫމާތު ހިމަނައިގެން، އެމް.އައި.އާރް.އޭ އިން ކަނޑައަޅާފައިވާގޮތަށް ތައްޔާރުކޮށްފައިވާ ޓެކްސް ބަޔާނެއް، އޭގައި ހިމެނިފައިވަނީ، ތެދު މައުލޫމާތުކަމަށް އެމީހަކު އިގުރާރުވެ، އެ ޓެކްސްއާއެކު އެމް.އައި.އާރް.އޭ އަށް ރައްދުކުރަންވާނެއެވެ.

  1. ދައްކާފައިވާ ފައިސާގެ ޖުމްލައާއި ކުރުގޮތަކަށް އެ ފައިސާއަކީ ކޮންކަމަކާގުޅޭ ފައިސާއެއްކަން؛
  2. އެ ފައިސާ ދެއްކި ނުވަތަ ފޮތްތަކުން އަޅައިކެނޑުނު ތާރީހު؛
  3. އެ ފައިސާ ލިބުނު މީހާގެ ނަމާއި އެޑްރެސް، އަދި އެ ފައިސާ ފޮނުވުނު އެޑްރެސް ނުވަތަ އެކައުންޓް؛
  4. މި މާއްދާގެ ދަށުން ކަނޑަންޖެހޭ ޓެކްސް؛

އަދި ބޭނުންވެދާނެ އިތުރުއެހެން މައުލޫމާތުވެސް ހިމަނަންވާނެއެވެ. އަދި ކަނޑައަޅާފައިވާގޮތަށް ތައްޔާރުކޮށްފައިވާ ވިތްހޯލްޑިންގ ޓެކްސްގެ ސެޓްފިކެޓެއް މި މާއްދާގެ (ށ) ގައި ބުނެފައިވާ ދުވަހުން ފެށިގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ދައްކާފައިވާ ފައިސާ ލިބެންވީ މީހާއަށް ފޮނުވަންޖެހޭނެއެވެ.

(ނ) ދައްކާ އެއްވެސް ފައިސާއަކުން މި މާއްދާގެ ދަށުން ނަގަންޖެހޭ އެއްވެސް ޓެކްސްއެއް މި މާއްދާގެ (ށ) ގައިވާގޮތަށް ނަގާފައިވާކަމަށް ނުވާނަމަ، އެ ޓެކްސް ކަނޑަންޖެހޭ މީހާ، އެ ޓެކްސް ނުކަނޑާހުރި ދުވަސްތަކަށް އެ ޓެކްސްއަށް މަހަކު %1 (އެކެއް އިންސައްތަ) ގެ ރޭޓުން އިންޓްރެސްޓް އެމް.އައި.އާރް.އޭ އަށް ދައްކަންޖެހޭނެއެވެ.

(ރ) މި މާއްދާގެ ދަށުން ޓެކްސް ނެގޭ ފައިސާ ލިބެންޖެހޭ މީހާއަށް މި މާއްދާގެ ދަށުން ޓެކްސްއަށް ނެގުނު އެއްވެސް އަދަދެއް އެހެން އެއްވެސް މީހެއްގެ އަތުން ހޯދުމުގެ ހައްގެއް ލިބިގެންނުވެއެވެ.

(ބ) ދައްކާ އެއްވެސް ފައިސާއަކުން މި މާއްދާގެ ދަށުން ނަގަންޖެހޭ އެއްވެސް ޓެކްސްއެއް މި މާއްދާގައިވާ ގޮތަށް އެމް.އައި.އާރް.އޭ އަށް ދައްކާފައިނުވާނަމަ، އެ ޓެކްސް ބެލެވޭނީ:

  1. އެ ޓެކްސް ހިފަހައްޓަންޖެހޭ މީހާގެ މައްޗަށް، އަދި 
  2. އެ ދައްކާ ފައިސާ ލިބިފައިވާ މީހާގެ މައްޗަށް ބިނާކުރެވިފައިވާ ޓެކްސް ކަމަށެވެ.

އަދި މިގޮތުން، އެ ބިނާކުރެވުނު ޓެކްސް ދެއްކުމަށް އެފަދަ މީހުން ވަކިވަކިންވެސް އަދި އެކުގައިވެސް ޒިންމާވާންޖެހޭނެއެވެ.

(ޅ) މި މާއްދާގެ (ބ) ގެ ދަށުން އެއްވެސް މީހެއްގެ މައްޗަށް ޓެކްސް ބިނާކުރެވުނުކަމަށް ބެލެވޭނަމަ، އެމީހަކު ދައްކަންޖެހޭ ޓެކްސްއެއްކަމަށް އެމް.އައި.އާރް.އޭ އަށް އެނގުނު ނުވަތަ އެނގެންޖެހޭނެކަމަށް ބެލެވޭ ތާރީހުން ފެށިގެން 3 (ތިނެއް) އަހަރުގެ ތެރޭގައި އެމީހަކު ދައްކަންޖެހޭ ޓެކްސް ބިނާކުރެވޭކަމުގެ ނޯޓިސްއެއް ދިނުމުގެ އިހްތިޔާރު އެމް.އައި.އާރް.އޭ އަށް ލިބިގެންވެއެވެ. އަދި ޓެކްސްއާބެހޭ ގާނޫނު ތަކުގައި ވަކި ތާރީހަކުން ފެށިގެން ނުވަތަ ވަކިކަމެއް ދިމާވުމުން ހިނގާ މުއްދަތެއްގެ ތެރޭގައި ކަމެއްކުރަންޖެހޭނަމަ، ބަލަންޖެހޭނީ މި މާއްދާގެ ދަށުން ޓެކްސް ބިނާކުރުން އަންގާ ދުވަހުން ފެށިގެން ހިނގާ މުއްދަތެއްގެ ގޮތުގައެވެ.

(ކ) މި މާއްދާގެ ދަށުން މީހަކު އުނިކުރަންޖެހޭ ޓެކްސްއެއް އުނިކޮށްފައިނުވި ނަމަވެސް، އެމީހަކު ހިފަހައްޓަންޖެހިފައިވާ ޓެކްސްގެ އަދަދު ލިބޭ މިންވަރަށް އެމީހަކު ކުރިން ނުވަތަ ފަހުން ދެއްކި ފައިސާގެ ތެރޭގައި ހުރިކަމަށް އެމް.އައި.އާރް.އޭ އަށް ގަބޫލުކުރެވޭނަމަ، މި މާއްދާގެ ދަށުން އެމީހަކު ހިފަހައްޓަންޖެހިފައިވާ ޓެކްސްއިން އިސްތިސްނާވާކަމަށް އެންގުމުގެ އިހްތިޔާރު އެމް.އައި.އާރް.އޭ އަށް ލިބިގެންވެއެވެ.

(އ) ދައްކާފައިވާ އެއްވެސް ފައިސާއަކުން އުނިކުރަންޖެހޭ ޓެކްސް މި މާއްދާގެ (ށ) އާ އެއްގޮތްވާގޮތަށް ހިސާބުކުރެވިފައި ނުވާނަމަވެސް، މި މާއްދާގެ (ށ) ގެ ދަށުން ބަޔާނެއް ހުށަހަޅަންޖެހޭނެއެވެ. އަދި އެފަދަ ހާލަތެއްގައި، އެ ފައިސާ ދައްކާފައި ނުވަތަ ލިބިފައިވާ މިއިން އެންމެ ކުރިން އަންނަ ތާރީހާ ޖެހިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން، އެމް.އައި.އާރް.އޭ އަށް ބަޔާން ހުށަހަޅަންޖެހޭނެއެވެ

 

26 ވަނަ މާއްދާ - ބިނާކުރުމަށް އިންކާރުކުރާ ކުރުން

(ހ) އެއްވެސް މީހެއްގެ މައްޗަށް މި ގާނޫނުގެ 21 ވަނަ މާއްދާގެ ދަށުން އެމް.އައި.އާރް.އޭ ގެ ބިނާކުރުމެއް ހެދިފައިވާނަމަ، އެމް.އައި.އާރް.އޭ އިން އެކަށީގެންވާ އެންމެއަވަސް ފުރުސަތެއްގައި އެމީހަކަށް އެކަން އަންގަންވާނެއެވެ. އަދި މި އެންގުމުގައި އެމީހެއްގެ ބިނާކުރެވުނު ޓެކްސް ނެގޭ ފައިދާއާއި، އޭނާގެ ބިނާކުރެވުނު ޓެކްސްއާއި، އޭނާ ދައްކަންޖެހޭ ޓެކްސްގެ އަދަދާއި، އެއްވެސް އިންޓްރެސްޓްއެއް ނުވަތަ ޖޫރިމަނާއެއް ދައްކަންޖެހޭތޯއާއި، މި މާއްދާގެ ދަށުން އެމީހަކަށް ލިބިގެންވާ ހައްގުތައް ބަޔާންކޮށްފައި ހުންނަންޖެހޭނެއެވެ. އަދި މި މާއްދާގެ ދަށުން އަންގާ އެންގުމަށް މި ގާނޫނުގެ ދަށުން ނިސްބަތްކުރާނީ "ޓެކްސް ބިނާކުރެވުނުކަން އަންގާ އެންގުން" މިހެންނެވެ.

(ށ) މި މާއްދާގެ ދަށުން ނުވަތަ މި ގާނޫނުގެ 25 ވަނަ މާއްދާގެ ދަށުން ޓެކްސް ބިނާކުރެވުނުކަން އަންގާ އެންގުމެއް ރައްދުވާ ކޮންމެ މީހަކުވެސް އެމް.އައި.އާރް.އޭ އަށް އަންގާ އެންގުމަކުން އެ ބިނާކުރުމަށް އިންކާރު ކުރެވިދާނެއެވެ. މި މާއްދާގައި ޓެކްސް ބިނާކުރެވުނުކަން އަންގާ އެންގުމެއް ރައްދުވާ މީހާއަކީ "ބިނާކުރެވުނު މީހާ" އެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން އަންގާ އެންގުމެއްގައި ("އިންކާރުކުރާކަމުގެ އެންގުން") ބިނާކުރެވުނު މީހާ އެ ބިނާކުރުމަށް އިންކާރުކުރާ ސަބަބުތައް ބަޔާންކުރަންވާނެއެވެ.

(ރ) ޓެކްސް ބިނާކުރެވުނުކަން އަންގާ އެންގުން ރައްދުވާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެއަށް އިންކާރުކުރާކަމުގެ އެންގުމެއް އެމް.އައި.އާރް.އޭ އަށް ރައްދުކުރަންޖެހޭނެއެވެ. އެހެންނަމަވެސް، އެމް.އައި.އާރް.އޭ އަށް ގަބޫލުކުރެވޭ ގޮތުގައި ބިނާކުރެވުނު މީހާއަށް އިންކާރުކުރާކަމުގެ އެންގުން އެ ހުއްދަކޮށްފައިވާ 30 (ތިރީސް) ދުވަހުގެ މުއްދަތުގެ ތެރޭގައި ހުށަނޭޅުނީ އެކަށީގެންވާ އުޒުރެއް (ދިވެހިރާއްޖޭގައި ނެތުމުން ނުވަތަ ބަލިވެގެން ނުވަތަ އެހެންކޮންމެވެސް ސަބަބެއް) އޮވެގެންކަމަށް ވަނީނަމަ، އެމް.އައި.އާރް.އޭ އިން އެކަމުގެ ބާވަތަށް ބަލާފައި، އެކަށީގެންވާ ވަރަކަށް އެ މުއްދަތު އިތުރުކޮށްދެވިދާނެއެވެ.

(ބ) ބިނާކުރެވުނު ޓެކްސްއާމެދު އިންކާރުކުރުމަށް ހުއްދަކޮށްފައިވާ 30 (ތިރީސް) ދުވަހުގެ މުއްދަތު ހަމަވުމުގެ ކުރިން ޓެކްސް ނެގުމާބެހޭ ގާނޫނުތަކުގެ ދަށުން ދައްކަންޖެހޭ އެންމެހައި އަދަދުތަކެއް، އިންޓްރެސްޓްއާއި ޖޫރިމަނާތައް ހިމެނޭގޮތަށް، އަދި އެ އިންކާރުކުރަނީ ޓެކްސްގެ އަދަދާ މެދުގައިވީނަމަވެސް، އެމް.އައި.އާރް.އޭ އަށް ފުރިހަމައަށް އަދާކޮށްފައިވުމުން މެނުވީ، އެ އިންކާރުކުރާކަމުގެ އެންގުމެއް ސައްހައެއް ނުވާނެއެވެ.

(ޅ) އިންކާރުކުރާކަމުގެ އެންގުމެއް ލިބުމުން އެމް.އައި.އާރް.އޭ އިން އެ ބިނާކުރުން އަލުން ބަލަންވާނެއެވެ. އަދި އެމް.އައި.އާރް.އޭ އިން ބިނާކުރެވުނު މީހާއަށް:

  1. އެމީހާގެ އާމްދަނީއާބެހޭ ގޮތުން އެމް.އައި.އާރް.އޭ އިން ބޭނުންވާ ތަފްސީލުތައް ހުށަހެޅުމަށް، އަދި
  2. އެ އާމްދަނީއާގުޅޭ ގޮތުން އޭނާގެ ހަވާލުގައި ނުވަތަ އޭނާގެ ބެލުމުގެ ދަށުގައިހުރި ހުރިހާ ފޮތްތަކާއި ލިޔެކިޔުންތައް ހުށަހެޅުމަށްވެސް، އެންގިދާނެއެވެ.

(ކ) އެކަށީގެންވާ ސަބަބުތަކެއް ހުރެގެން އެމް.އައި.އާރް.އޭ އަށް ގަބޫލުކުރެވޭ ގޮތުގައި އެ ބިނާކުރުމަކާބެހޭ ގޮތުން އެއްވެސް މީހަކަށް ހެކިބަސް ދެވޭނެކަމަށްވާނަމަ، އެންގުމަކުން އެމީހަކަށް ވަކި ތަނަކަށް ވަކި ގަޑިއަކަށް ހާޒިރުވާން އަންގާ، ހުވައިއެއްގެ ދަށުން ނުވަތަ އެނޫންގޮތަކަށްވިޔަސް، އެމް.އައި.އާރް.އޭ އިން އެމީހަކާ ސުވާލުކުރެވިދާނެއެވެ. އެހެންނަމަވެސް، އެއްވެސް މީހަކު ށަރީއަތުގެ މަޖިލީހުގައި ދިނުން ލާޒިމުނުކުރެވޭ އެއްވެސް ހެކިބަހެއް މި މާއްދާގެ ދަށުގައި ދިނުން ލާޒިމެއް ނުކުރެވޭނެއެވެ.

(އ) އެމީހެއްގެ މައްޗަށް ޓެކްސް ބިނާކުރެވުނު މީހާ، އެ ބިނާކުރުމަށް އިންކާރުކޮށްފައިވާނަމަ، އަދި ފަހުން އޭނާގެ މައްޗަށް ޓެކްސް ބިނާކުރެވެންވީ އަދަދާމެދު އެމް.އައި.އާރް.އޭ އާއެކު، އެއްބަސްވުމަކަށް އާދެވިއްޖެނަމަ، އެ އެއްބަސްވުމާއެއްގޮތަށް އެ ބިނާކުރުން އިސްލާހުކޮށްފައި އެމީހާއަށް ފޮނުވަންވާނެއެވެ.

(ވ) އެމް.އައި.އާރް.އޭ އިން އެ ބިނާކުރުން އަލުން ބެލުމަށްފަހު، އެ ބިނާކުރުމުގެ ކޮންމެވެސް ބައެއް އެއީ ރަނގަޅުނޫން ބައެއްކަމަށް ކަނޑައަޅައިފިނަމަ، އެމް.އައި.އާރް.އޭ އިން އެ ބިނާކުރުން އިސްލާހުކޮށްފައި އެމީހާއަށް ފޮނުވަންވާނެއެވެ.

(މ) އެމް.އައި.އާރް.އޭ އިން އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެ އިންކާރުކުރިކަމެއް ބަލައި، އެކަމަކާމެދުގޮތެއް ނިންމައި، އަދި ގޮތެއް ނިންމުނުހާއަވަހަށް އެ އިންކާރުކުރި މީހާއަށް އޭގެ ނަތީޖާ އަންގަން ޖެހޭނެއެވެ.

(ފ) އިންކާރުކުރާކަމުގެ އެންގުމަކާމެދު، އެ އިންކާރުކުރި ބިނާކުރުމުގައި ވަނީ މާބޮޑު އަދަދެއްކަމަށް އެމް.އައި.އާރް.އޭ އިން ނިންމައިފިނަމަ، އެކަށީގެންވާ އަވަސް މުއްދަތެއްގެ ތެރޭގައި އެމް.އައި.އާރް.އޭ އިން އިތުރު ބިނާކުރުމެއް ނެރެންވާނެއެވެ. އަދި އިތުރަށް ދައްކާފައި އެއްވެސް ފައިސާއެއްވާނަމަ، އެ ބިނާކުރުމަށް އިންކާރުކުރި މީހަކަށް އެ ފައިސާ އަނބުރާ ދައްކާ ނުވަތަ އެމީހަކު ދައްކަންޖެހިފައިވާ އެހެން ޓެކްސްގެ އަދަދަކުން، އެ އަދަދު އުނިކުރަންވާނެއެވެ.

(ދ) ތިރީގައިވާ ށަރުތުތައް ފުރިހަމަވުމުން މެނުވީ ބިނާކުރެވުނު މީހާއަށް، ބިނާކުރުމަކާމެދު ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް އިސްތިއުނާފަށް ހުށައެއްނޭޅޭނެއެވެ:

  1. މި މާއްދާގެ ދަށުން އެބިނާކުރުމަށް އިންކާރުކުރާކަމުގެ ސައްހަ އެންގުމެއް އޭނާ އަންގާފައިވުން، އަދި
  2. އެމް.އައި.އާރް.އޭ އިން މި މާއްދާގެ ދަށުން އެބިނާކުރުން އަލުންބަލައި ނިންމާފައިވުން، އަދި ބިނާކުރެވުނު މީހާ އެމް.އައި.އާރް.އޭ ގެ ނިންމުމާމެދު އަދިވެސް ހިތްހަމަނުޖެހިފައި ހުރުން.

 

27 ވަނަ މާއްދާ - އިސްތިއުނާފު ކުރުން

ބިނާކުރުންތަކާއި ޖޫރިމަނާތަކާމެދު އިސްތިއުނާފުކުރުމަށް، އަދި ޓެކްސް ނެގުމާބެހޭ ގާނޫނުތަކާއެއްގޮތަށް ހުށަހެޅޭ މައްސަލަތައް ބަލާނީ ޓެކްސް އެޕީލް ޓްރައިބިއުނަލް އިންނެވެ.


4 ވަނަ ބާބު

ޓެކްސް ދެއްކުމުން އެއްކިބާވުން

 

28 ވަނަ މާއްދާ - ކުޑަކުއްޖަކާމެދު އެންގޭ އެންގުންތައް ނަފީ ކުރުން

(ހ) ޓެކްސް ނެގުމަށް ބެލެވޭ އެއްވެސް އަހަރެއް ފެށޭ ދުވަހު އުމުރުން 18 އަހަރު ހަމަނުވާ މީހަކު (ކުޑަކުއްޖަކު) ޓެކްސް އަހަރެއްގައި ދިވެހިރާއްޖޭގައި ވިޔަފާރިއެއް ހިންގަމުން ގެންދާނަމަ، ޓެކްސް ނެގުމާބެހޭ ގާނޫނުތަކުގެ އެންމެހައި މަގްސަދުތަކަށްޓަކައި ބެލެވޭނީ އެ ވިޔަފާރި ހިންގަމުން ގެންދަނީ:

  1. އެ ވިޔަފާރި ކުޑަކުއްޖާއަށް ބަދަލުކުރީ އެހެން މީހަކުނަމަ، އެ ބަދަލުކުރި މީހާ، ނުވަތަ
  2. މި މާއްދާގެ (1) ވަނަ ނަންބަރު ރައްދުނުވާނަމަ، ކުޑަކުއްޖާގެ ބައްޕަ، ނުވަތަ ކުޑަކުއްޖާގެ ބައްޕަ ނިޔާވެފައިވާނަމަ، ގަވާއިދުތަކާއެއްގޮތަށް ކަނޑައެޅޭ ނުވަތަ އައްޔަންކުރެވޭ މީހާއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ވިޔަފާރި ހިންގަނީ ކުޑަކުއްޖަކު ނަމަ،

  1. މި ގާނޫނުން ނުވަތަ މި ގާނޫނުގެ ދަށުން ލާޒިމުކުރާ އެއްވެސް ކަމަކާއެއްގޮތަށް އަމަލުކުރުމުގެ ޒިންމާއަކީ، އެ ކުއްޖާގެ އަމިއްލަ ޒިންމާއެއް ނޫނެވެ. ނަމަވެސް،
  2. ޓެކްސް ނެގުމާބެހޭ ގާނޫނުތަކާ އެއްގޮތަށް، އެ ވިޔަފާރިއާބެހޭ ޓެކްސް ބަޔާން ހުށަހެޅުމާއި، ދައްކަންޖެހޭ އެއްވެސް ޓެކްސްއެއް، އިންޓްރެސްޓްއެއް އަދި ޖޫރިމަނާއެއްވެސް ދެއްކުމަކީ އެ ވިޔަފާރި ހިންގަމުން ގެންދާކަމަށް ބެލެވޭ މީހާގެ ޒިންމާއެކެވެ.

 

29 ވަނަ މާއްދާ - ޓްރާންސްފަރ ޕްރައިޒިންގ

(ހ) މި މާއްދާ ރައްދުވާނީ ޓެކްސް އަހަރެއްގައި މީހެއްގެ ("ފުރަތަމަ މީހާ") ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި އެމީހަކާ އެހެން މީހަކާދެމެދު ("ދެވަނަ މީހާ") ސީދާ ނުވަތަ ނުސީދާ ގޮތަކަށް ކުރެވިފައިވާ މުއާމަލާތްތަކަށް ބަލަންޖެހޭނަމަ، އަދި އެ ދެމީހުންނަކީވެސް ގުޅުންހުރި ފަރާތްތަކެއްކަމަށް ވާނަމައެވެ.

(ށ) މި މާއްދާގެ މަގްސަދަށްޓަކައި، ދެމީހުންގެ މެދުގައި ނުސީދާގޮތަކަށް މުއާމަލާތެއް ހިނގާފައިވާކަމަށް ބެލެވޭނީ ގުޅިފައިހުރި މުއާމަލާތްތަކެއް ހުރިނަމަ އަދި، މި ދެމީހުންނަކީ އެއް މުއާމަލާތެއްގެ ބައިވެރިން ކަމުގައި ނުވީނަމަވެސް ނުވަތަ ވީނަމަވެސް، މި މުއާމަލާތްތަކުގެ ތެރެއިން އެކެއް ނުވަތަ އެއަށްވުރެ ގިނަ މުއާމަލާތުގައި ބައިވެރިންކަމުގައި ވާނަމައެވެ.

(ނ) މި މާއްދާގެ މަގްސަދަށްޓަކައި، އެކަކު އަނެކަކާ ގުޅުން ހުރިކަމަށް ބެލެވޭނީ؛

  1. އެކަކުގެ މައްޗަށް އަނެކަކުގެ ބާރު ހިނގާނަމަ ނުވަތަ ދެމީހުންގެ މައްޗަށްވެސް ބާރު ހިންގަނީ އެކަކުނަމަ، ނުވަތަ
  2. އެކަކު އެއީ، އަނެކަކުގެ ތިމާގެ މީހެއްނަމައެވެ.

(ރ) މި މާއްދާގެ (ނ) ގެ މަގްސަދަށްޓަކައި، މީހަކު އެއީ އެހެން މީހެއްގެ ތިމާގެ މީހަކަށްވާނީ އެމީހަކީ

  1. އެމީހެއްގެ އަނބި ނުވަތަ ފިރިމީހާ؛ ނުވަތަ
  2. އެމީހެއްގެ ނުވަތަ އެމީހެއްގެ އަންބެއް ނުވަތަ ފިރިއެއްގެ ބޭބެއެއް ނުވަތަ ދައްތައެއް ނުވަތަ ކޮއްކޮއެއް، ނުވަތަ މަންމަ ނުވަތަ ބައްޕަ ނުވަތަ މާމަ ނުވަތަ ކާފަ، ނުވަތަ ދަރި
  3. މި މާއްދާގެ (2) ގައި ހިމެނޭ އެއްވެސް މީހެއްގެ އަންބެއް ނުވަތަ ފިރިއެއް ނަމައެވެ. އަދި "ދަރި" ގެ މާނައިގައި ދޮންދަރިވެސް ހިމެނެއެވެ.

(ބ) މި މާއްދާގައި، "އާމްސް ލެންތު ޓަރމްސް" އަކީ މުއާމަލާތްތަކަށް ނިސްބަތްކުރާއިރު، އެކަކު އަނެކަކާ ގުޅުމެއް ނެތް ދެމީހަކު އެ މުއާމަލާތެއް ކުރާނަމަ އެ މުއާމަލާތެއް ކުރާނެ، ނުވަތަ ކުރާނެކަމަށް ބެލެވޭނެ އުސޫލުތަކެވެ.

(ޅ)

  1. ޓެކްސް ބިނާކުރުމުގައި މުއާމަލާތްތަކަށް ބަލަންޖެހިއްޖެނަމަ: އެމުއާމަލާތެއް ކުރި އުސޫލުތަކަކީ "އާމްސް ލެންތު ޓަރމްސް" އެއްގޮތް އުސޫލުތަކެއް ނޫންނަމަ، އަދި
  2. އާމްސް ލެންތު ޓަރމްސްތަކާ އެއްގޮތަށް އެ މުއާމަލާތް ކުރުމުން ވާނެވަރަށްވުރެ ފުރަތަމަ މީހާގެ ޓެކްސް ބިނާކުރެވޭ ފައިދާ ކުޑަނަމަ، ނުވަތަ އެމީހާގެ ޓެކްސް ބިނާކުރެވޭ ގެއްލުންތައް ބޮޑުނަމަ، އެމީހާގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރާނީ، އެމުއާމަލާތެއް ހަގީގަތުގައި ހިންގި އުސޫލުތަކަކީ އާމްސް ލެންތު ޓަރމްސް ތަކެއް ނޫންކަމުގައިވިޔަސް، އާމްސް ލެންތު ޓަރމްސްތަކާ އެއްގޮތަށް ކުރި މުއާމަލާތެއްގެ ގޮތުގައެވެ.

(ކ) އެ މުއާމަލާތަކީ ގުޅުންހުރި މީހުންތަކެއް މެނުވީ ނުކުރާނެ މުއާމަލާތެއްނަމަ، ފުރަތަމަ މީހާގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި އެމުއާމަލާތް ހިމަނައިގެން ނުވާނެއެވެ.

(އ) ތިރީގައިވާ ކަންކަން ފުރިހަމަވާ ހާލަތްތަކުގައި މި މާއްދާގެ (ވ) ރައްދުވާނެކަމަށް އެމް.އައި.އާރް.އޭ އިން އެންގިދާނެއެވެ.

  1. މުއާމަލާތްތަކާ ގުޅިގެން، ޓެކްސް ނެގުމަށް ބެލެވޭ އަހަރެއްގެ ފުރަތަމަ މީހާގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި މި މާއްދާގެ (ޅ) ނުވަތަ (ކ) ރައްދުވާނަމަ، އަދި
  2. ދެވަނަ މީހާ ("އެދޭ މީހާ") މި މާއްދާގެ ދަށުން ހައްލެއް ހޯދުމަށް އެމް.އައި.އާރް.އޭ އަށް އެދޭނަމަ، އަދި
  3. އެމް.އައި.އާރް.އޭ އަށް ގަބޫލުކުރެވޭ ގޮތުގައި، މި މާއްދާގެ މި ބަޔަށް ނުބަލާ އެދޭ މީހާގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި އެމުއާމަލާތްވެސް ހިމެނޭނެނަމަ

(ވ) މި މާއްދާގެ މި ބައި ރައްދުވާނަމަ، އެމުއާމަލާތަށް ބަލާފައި، ފުރަތަމަ މީހާގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި މި މާއްދާގެ (ޅ) ނުވަތަ (ކ) އިން ރައްދުވީ ބައި، އެދޭ މީހާގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައިވެސް ހިމަނާނީއެވެ.

(މ) މި މާއްދާގެ (އ) ގެ ދަށުން ހައްލެއް ހޯދުމަށް އެދެންޖެހޭނީ، މި މާއްދާގެ (އ) ގެ (1) ވަނަ ނަންބަރުގައި ބުނެފައިވާ ޓެކްސް އަހަރުގެ ފުރަތަމަ މީހާގެ މައްޗަށް ޓެކްސް ބިނާކުރެވޭތާ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ލިޔުމަކުންނެވެ.

(ފ) މި މާއްދާގެ (އ) ގެ ދަށުން ހޯދަން އެދިފައިވާ ހައްލެއް ހޯދައިދިނުމަށް ގެންނަންޖެހޭ ބަދަލުތަކާ ބިނާކުރުންތައް ކުރަންވާނެއެވެ.

 

30 ވަނަ މާއްދާ - ޓެކްސް ދެއްކުމުގެ ޒިންމާއިން އެއްކިބާވުމަށް ނުވަތަ ކުޑަކުރުމަށް އަޅާ ފިޔަވަޅުތައް

(ހ) މި ގާނޫނަށް އަމަލުކުރަން ފެށޭ ދުވަހުގެ ކުރިން ނުވަތަ ފަހުން ކަމުގައި ވީނަމަވެސް، އެއްވެސް މުއާމަލާތެއްގެ މައިގަނޑު މަގްސަދަކީ ނުވަތަ މައިގަނޑު އެއް މަގްސަދަކީ އެއްވެސް ޓެކްސް އަހަރެއްގައި ޓެކްސް ދެއްކުމުގެ ޒިންމާއިން އެއްކިބާވުން ނުވަތަ ޓެކްސް ދައްކަންޖެހޭ މިންވަރު ކުޑަކުރުން ކަމުގައި އެމް.އައި.އާރް.އޭ އިން ގަބޫލުކުރެވޭ ވަރުގެ އެކަށީގެންވާ ސަބަބުތަކެއް ހުރިނަމަ، މި މާއްދާގެ (ރ) ގައި ބަޔާންކުރެވިފައިވާ ބާރުތަކުންކުރެ ބާރެއް ބޭނުންކުރުމުގެ ހައްގު އެމް.އައި.އާރް.އޭ އަށް ލިބިގެންވެއެވެ.

(ށ) މި ގާނޫނުގެ 29 ވަނަ މާއްދާއަށް ފެތޭ އެއްވެސް މުއާމަލާތްތަކަށް މި މާއްދާގެ (ހ) ރައްދެއް ނުވާނެއެވެ.

(ނ) އެ ޓެކްސް ދެއްކުމުގެ ޒިންމާއިން އެއްކިބާވުން ނުވަތަ ޓެކްސް ދައްކަންޖެހޭ މިންވަރު ކުޑަކުރުން ހޯދާފައިވަނީ ދޭއް ނުވަތަ އެއަށްވުރެ ގިނަ މުއާމަލާތްތަކެއްގެ ނަތީޖާ އެއްކުރުމުން ކަމަށްވާނަމަވެސް، ނުވަތަ ދޭއް ނުވަތަ އެއަށްވުރެ ގިނަ މުއާމަލާތްތަކާއި ކުންފުންޏެއް އުވާލުމުގެ ނަތީޖާ އެއްކުރުމުން ކަމަށްވާނަމަވެސް، މި މާއްދާގެ (ހ) ރައްދުވާނެއެވެ. އަދި މިފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، މި މާއްދާގައި އެއް މުއާމަލާތަށް ނިސްބަތްކޮށްފައި ހުރި އިބާރާތްތައް މި މާނަ ދޭހަވާގޮތަށް ކިޔަންޖެހޭނެއެވެ.

(ރ) އެމް.އައި.އާރް.އޭ ދެކޭ ގޮތުގައި އެއީ އިންސާފުވެރި އަދި އަދުލުވެރިގޮތް ކަމަށްވާ ހާލަތުތަކުގައި އެމް.އައި.އާރް.އިން ތިރީގައިވާ ގޮތަށް އެންގިދާނެއެވެ.

  1. އެމް.އައި.އާރް.އޭ ގެ ނަޒަރުގައި އެއްކިބާކުރެވުނު ނުވަތަ ކުޑަކުރެވުނު ޓެކްސްގެ އަދަދަށްވުރެ އިތުރުނުވާ އަދަދެއް ޓެކްސްގެ ގޮތުގައި ބިނާކުރެވިއްޖެކަން އެންގުން؛
  2. ދައްކާފައިވާ ޓެކްސްގެ އަދަދެއް އަނބުރާ ދައްކަންޖެހުން ބާތިލުކުރެވޭ އެންގުމެއް ނެރުން؛ ނުވަތަ
  3. ދައްކާފައިވާ ޓެކްސްގެ އަދަދެއް އަނބުރާ ދައްކާފައިވާނަމަ، އެ އަދަދެއް އަނެއްކާ ދެއްކުމަށް ވަކި މުއްދަތެއް ކަނޑައަޅައި އެމުއްދަތުގެ ތެރޭގައި އެ އަދަދު ދެއްކުމަށް އެންގުން.

(ބ) ތިރީގައިވާ ކަންތައްތަކާ ގުޅޭ މި ގާނޫނުގެ މާއްދާތަކުގެ މަގްސަދަށްޓަކައި، މި މާއްދާގެ (ރ) ގެ (2) އާއި (3) ގެ ދަށުން އަންގާ އެންގުން ބެލެވޭނީ ބިނާކުރުމެއް ކަމަށެވެ.

  1. (1) ޓެކްސްގެ ބިނާކުރުންތަކަށް އިންކާރުކުރުމާއި، އެ އިންކާރުކުރި ކުރުމަށް ނިންމި ގޮތާމެދު އިސްތިއުނާފަށް ހުށަހެޅުން؛ އަދި
  2. ޓެކްސް ދައްކަންޖެހޭ ތާރީހުގައި ނުދެއްކުމުން އަރާ އިންޓްރެސްޓް،

(ޅ) އެއްވެސް މުއާމަލާތެއްގެ މައިގަނޑު މަގްސަދަކީ ނުވަތަ މައިގަނޑު އެއް މަގްސަދަކީ ވަކިފަރުދެއް ހިންގަމުން ގެންދިޔަ ވިޔަފާރިއަކާ ހަވާލުވުމުގެ މަގްސަދަށް އުފައްދާފައިވާ ކުންފުންޏަކަށް އެކަންކުރަން މަގުފަހިކޮށްދިނުން ކަމަށްވާނަމަ މި މާއްދާގެ (ހ) ރައްދެއް ނުވާނެއެވެ.

 

5 ވަނަ ބާބު

ކުށްކުށާއި އަދަބުތައް

 

31 ވަނަ މާއްދާ - ޓެކްސް ދެއްކުމުން ރެކުމާގުޅޭ ކުށްކުށް

(ހ) މި މާއްދާއަށް އަމަލުކުރާނީ މީހަކު އެނގިހުރެ އަދި ޓެކްސް ދެއްކުމުން ރެކުމުގެ ގަސްތުގައި ނުވަތަ އެހެން އެއްވެސް މީހަކު ޓެކްސް ދެއްކުމުން ރެކުމަށް އެހީތެރިވުމުގެ ގަސްތުގައި

  1. ޓެކްސް ބަޔާނެއް ހުށަހަޅާފައިނުވާނަމަ ނުވަތަ ޓެކްސް ނެގުމާބެހޭ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން އަންގަންޖެހޭ އެއްވެސް އެންގުމެއް ނުވަތަ ދޭންޖެހޭ އެއްވެސް މައުލޫމާތެއް ނުދީ ހުރެފިނަމަ؛ ނުވަތަ
  2. ޓެކްސް ބަޔާނެއްގައި ހިމަނަންޖެހޭ އެއްވެސް އާމްދަނީއެއް ނުވަތަ ފައިދާއެއް ނުހިމަނާ ދޫކޮށްލައިފިނަމަ؛ ނުވަތަ
  3. އެއްވެސް ޓެކްސް ބަޔާނެއްގައި ދޮގު މައުލޫމާތެއް ނުވަތަ ދޮގު ބަޔާނެއް ދީފިނަމަ؛ ނުވަތަ
  4. ޓެކްސް ނެގުމާބެހޭ ގާނޫނުތަކުގެ ދަށުން ކުރެވޭ ސުވާލުތަކަށް ނުވަތަ މައުލޫމާތު ދިނުމަށް ބުނުމުން އަނގަބަހުން ނަމަވެސް ނުވަތަ ލިޔުމުން ނަމަވެސް ދޮގު ޖަވާބު ދިނުން؛ ނުވަތަ
  5. ދޮގު ހިސާބުތަކެއް އެކުލެވޭ ލިޔުންތަކެއް ތައްޔާރުކޮށްފިނަމަ، ނުވަތަ ބަލަހައްޓައިފިނަމަ، ނުވަތަ އެފަދަ ލިޔުންތަކެއް ތައްޔާރުކުރުމަށް ނުވަތަ ބެލެހެއްޓުމަށް ހުއްދަ ދީފިނަމަ، ނުވަތަ ހިސާބުތަކެއް އެކުލެވޭ ލިޔުންތަކެއް އޮޅުވާލައިފިނަމަ ނުވަތަ އޮޅުވާލުމަށް ހުއްދަ ދީފިނަމަ؛ ނުވަތަ
  6. ގަވާއިދުތަކާ އެއްގޮތަށް އެމް.އައި.އާރް.އޭ އަށް ހިސާބުތައް ނުދައްކައިފިނަމަ، ނުވަތަ ގަވާއިދުން ތައްޔާރުކުރެވިފައިނުވާ ހިސާބުތައް ދައްކައިފިނަމައެވެ.

    އަދި އެފަދަ މީހަކަށް ތިރީގައި ނިސްބަތްކުރާނީ "ހިލާފުވީ މީހާ"ގެ ގޮތުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްވެސް އަމަލެއްކޮށްފި މީހަކު އެކުރީ ކުށެކެވެ. އަދި އޭނާގެ މައްޗަށް އެކުށް ސާބިތުވުމުން އޭނާއަށް ދެވޭނެ އަދަބަކީ 100,000 (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން، ނުވަތަ 6 (ހައެއް) މަސްދުވަހާއި 2 (ދޭއް) އަހަރާ ދެމެދު މުއްދަތަކަށް ގޭގައި ބަންދުކުރުން ނުވަތަ ޖަލަށްލުން ނުވަތަ އަރުވާލުން، ނުވަތަ އެފަދަ ޖޫރިމަނާއާއެކު ގޭގައި ބަންދުކުރުން ނުވަތަ ޖަލަށްލުން ނުވަތަ އަރުވާލުމެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްވެސް އަމަލެއްކޮށްފިނަމަ، މި މާއްދާގެ (ށ) ގެ ދަށުން ދެވޭ އަދަބެއްގެ އިތުރުން، ހިލާފުވީ މީހާއަށް ދެވޭ މަދަނީ އަދަބެއްގެ ގޮތުން، އެކުށެއް ކުރިއިރު ހިނގަމުންދިޔަ ނުވަތަ އެކުށެއް އަމާޒުކޮށްފައިވާ ޓެކްސް އަހަރެއްގައި އޭނާ ދައްކަންޖެހޭ ޓެކްސްގެ އަދަދުގެ ދެގުނައާއި އެއްވަރު އަދަދެއް އޭނާ ދައްކަންޖެހޭނެއެވެ.

(ރ) މި މާއްދާގެ ދަށުން ބަލަމުންދާ މައްސަލައެއްގައި، އެއްވެސް ބަޔާނެއްގައި ދޮގު ބަޔާނެއް ނުވަތަ މައުލޫމާތެއް ހިމަނާފައިވަނީ ވަކި މީހަކު ނުވަތަ އެމީހެއްގެ ފަރާތުންކަން، ނުވަތަ އެދޮގު ބަޔާނެއް ނުވަތަ މައުލޫމާތެއް ހިމަނާފައިވަނީ އެމީހަކު ނޫނީ އޭނާގެ ފަރާތުން ބަލަހައްޓާ ހިސާބުތައް އެކުލެވޭ ލިޔުންތަކުގައި ނުވަތަ އެފަދަ އެހެން ލިޔެކިޔުމުގައިކަން ސާބިތުކުރެވިއްޖެނަމަ، މިއާހިލާފަށް ކަންތައް ހިނގާދިޔަކަން ސާބިތުކުރެވެންދެން، އޭނާ އެ ދޮގު ބަޔާނެއް ނުވަތަ މައުލޫމާތެއް ދީފައިވަނީ ޓެކްސް ދެއްކުމުން ރެކުމުގެ ގަސްތުގައިކަމަށް ބެލެވޭނެއެވެ.

 

32 ވަނަ މާއްދާ - ޓެކްސް ބަޔާނެއް ހުށަހެޅުމަށް އުޒުރުވެރިވުމާއި ނުރަނގަޅު ޓެކްސް ބަޔާން ހުށަހެޅުންފަދަ ކަންކަމާގުޅޭ ކުށްތައް

(ހ) މި މާއްދާއަށް އަމަލުކުރާނީ ގަބޫލުކުރެވޭފަދަ އުޒުރަކާނުލާ މީހަކު؛

  1. ޓެކްސް ބަޔާނެއް ހުށަނާޅައިފިނަމަ ނުވަތަ ޓެކްސް ނެގުމާބެހޭ ގާނޫނުތަކުން ކަނޑައަޅާފައިވާ ގޮތަށް އަންގަންޖެހޭ އެއްވެސް އެންގުމެއް ނުވަތަ ދޭންޖެހޭ އެއްވެސް މައުލޫމާތެއް ނުދީފިނަމަ؛ ނުވަތަ
  2. އޭނާ ބަޔާނުގައި ހިމަނަންޖެހޭ އޭނާގެ އާމްދަނީ ނުޖަހާ ނުވަތަ ލިބޭވަރަށްވުރެ ކުޑަ އަދަދެއް ޖަހައިގެން ނުރަނގަޅު ޓެކްސް ބަޔާނެއް ހުށަހަޅައިފިނަމަ؛ ނުވަތަ
  3. ގަވާއިދުތަކާ އެއްގޮތަށް އެމް.އައި.އާރް.އޭ އަށް ހިސާބުތައް ނުދައްކައިފިނަމަ، ނުވަތަ ގަވާއިދުން ތައްޔާރުކުރެވިފައި ނުވާ ހިސާބުތައް ދައްކައިފިނަމަ؛
  4. ގަވާއިދުތަކުން ލާޒިމުކުރާގޮތަށް ރަނގަޅު ލިޔެކިޔުންތައް ނުބަލަހައްޓައިފިނަމަ؛
  5. އޭނާގެ، ނުވަތަ އެހެން މީހެއްގެ ނުވަތަ ޕާޓްނަރށިޕްއެއްގެ ޓެކްސް ދައްކަންޖެހޭ މިންވަރު ކަނޑައެޅުމަށް އަސަރުކުރާނެކަމަކާ ނުވަތަ އެއްޗަކާމެދު ނުރަނގަޅު މައުލޫމާތު ދީފިނަމަ؛ އެވެ.

އަދި އެފަދަ މީހަކަށް ތިރީގައި ނިސްބަތްކުރާނީ "ހިލާފުވި މީހާ" މިހެންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބާވަތުގެ މައްސަލައެއްނަމަ، ހިލާފުވި މީހާ އެކުރީ ކުށެކެވެ. އަދި އޭނާގެ މައްޗަށް އެކުށް ސާބިތުވުމުން އޭނާއަށް ދެވޭނެ އަދަބަކީ 250,000 (ދެލައްކަ ފަންސާސް ހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން، ނުވަތަ 3 (ތިނެއް) މަސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ގޭގައި ބަންދުކުރުން ނުވަތަ ޖަލަށްލުން، ނުވަތަ އެފަދަ ޖޫރިމަނާއާއި އެކު ގޭގައި ބަންދުކުރުން ނުވަތަ ޖަލަށްލުން މިއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބާވަތުގެ މައްސަލައެއްނަމަ، ހިލާފުވި މީހާ، މި މާއްދާގެ (ށ) ގެ ދަށުން ދެވޭ އަދަބެއްގެ އިތުރުން، ތިރީގައިވާ ގޮތުންކުރެ ގޮތަކަށް ކަނޑައެޅޭ އަދަދެއް އެމީހަކު ދައްކަންޖެހޭނެއެވެ

  1. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު ނުވަތަ (3) ވަނަ ނަންބަރަށް ފެތޭ ބާވަތުގެ މައްސަލައެއްނަމަ، އެބަޔާން، އެންގުން، މައުލޫމާތު ނުވަތަ ހިސާބުތައް ދިމާވާ ހިސާބުކުރުމުގެ މުއްދަތަށް އެމީހަކު ދައްކަންޖެހޭ ޓެކްސްގެ އަދަދުގެ ދެގުނައާ އެއްވަރުގެ އަދަދެއް، ނުވަތަ
  2. އެދިން ނުރަނގަޅު ޓެކްސް ބަޔާނެއްގެ ނުވަތަ މައުލޫމާތުގެ ސަބަބުން އޭނާ ޓެކްސް ދައްކަންޖެހޭ މިންވަރުކަމަށް ކަނޑައެޅިފައިވަނީ، ނުވަތަ ބަޔާން ނުވަތަ މައުލޫމާތު ސައްހަކަމަށް ގަބޫލުކުރެވުނުނަމަ، ކަނޑައެޅޭނީ އޭނާ ހަގީގަތުގައި ދައްކަންޖެހޭ ވަރަށްވުރެ ކުޑަ އަދަދެއްނަމަ، އެ އަދަދެއްގެ ދެގުނައާ އެއްވަރުގެ އަދަދެއ

(ރ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު ނުވަތަ (3) ވަނަ ނަންބަރަށް ފެތޭ ބާވަތުގެ މައްސަލައެއްނަމަ، ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް އެމް.އައި.އާރް.އޭ އިން ހުށަހެޅުމުން، އިތުރު މަދަނީ އަދަބެއްގެ ނުވަތަ އަދަބުތަކެއްގެ ގޮތުގައި، ފައިސާ ނުދައްކާ ހިނގާ ކޮންމެ ދުވަހަކަށް 500 (ފަސްސަތޭކަ) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދެއް ދެއްކުމަށް އެ ހިލާފުވި މީހާއަށް އެންގުމުގެ އިހްތިޔާރު ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ލިބިގެންވެއެވެ.

(ބ) މަތީގައިވާ (ހ) ގެ (4) ވަނަ ނަންބަރަށް ފެތޭ ބާވަތުގެ މައްސަލައެއްނަމަ، ހިލާފުވި މީހާ 250,000 (ދެލައްކަ ފަންސާސް ހާސް) ރުފިޔާގެ ބޮޑުނޫން އަދަދަކުން ޖޫރިމަނާއެއް މަދަނީ އަދަބެއްގެ ގޮތުގައި ދައްކަންޖެހޭނެއެވެ.

(ޅ) މި މާއްދާގެ (ށ) ، (ނ) ، (ރ) ، އަދި (ބ) ގައި ކަނޑައެޅިފައިވާ އަދަބުތަކާ ތައާރުޒުނުވާ ގޮތަކަށް، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރަށް ފެތޭ ބާވަތުގެ ކަމެއްގައި، ހިލާފުވި މީހާ އެ ބަޔާނުން އޭނާގެ މައްޗަށް ދައްކަންޖެހޭ ޓެކްސްގެ މިންވަރަށްވުރެ އިތުރުނުވާ އަދަދަކުން ޖޫރިމަނާވާނެއެވެ.

  1. ހިލާފުވި މީހާ، އެ ބަޔާން ހުށަހަޅަންޖެހޭ ދުވަސް ހަމަވެގެން 1 (އެކެއް) އަހަރު ފާއިތުވާއިރުވެސް އެ ހުށަނާޅާހުރެފިނަމަ، އަދި
  2. އޭނާއަށް ޓެކްސް ބިނާކުރެވޭނެ މިންވަރެއް އެ ބަޔާނުން ދައްކާނެނަމަ،

(ކ) އެއްވެސް މީހަކު އޭނާ އެހީތެރިވެގެން ނުވަތަ އެހެން މީހަކު ލައްވާ ތައްޔާރުކުރާ ނުވަތަ ފޮނުވާ އެއްވެސް މައުލޫމާތެއް، ބަޔާނެއް، ހިސާބުތަކެއް، ނުވަތަ އެހެން ލިޔެކިޔުމެއް؛

  1. ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސްއާ އެއްވެސް ގުޅުމެއްހުރި ކަމަކަށް ބޭނުންކުރާނެކަން، ނުވަތަ ކޮށްފާނެކަން އޭނާއަށް އެނގޭނަމަ، އަދި
  2. އެއީ ރަނގަޅުނޫން މައުލޫމާތުކަން އޭނާއަށް އެނގޭނަމަ، މަދަނީ އަދަބެއްގެ ގޮތުން 50,000 (ފަންސާސް ހާސް) ރުފިޔާއިން އޭނާ ޖޫރިމަނާ ކުރެވޭނެއެވެ.

(އ) މި ގާނޫނާ އެއްގޮތަށް ޓެކްސް ބަޔާނެއް ހުށަނޭޅުމުގެ ސަބަބުން ހިލާފުވި މީހާގެ މައްޗަށް މަދަނީ އަދަބެއް ކަނޑައެޅިއްޖެނަމަ، އޭނާއަށް ބަޔާނުގައި އޭނާ ޓެކްސް ދައްކަންޖެހޭނެ ވަރަކީ ވަކި ވަރަކަށްވުރެ އިތުރުނޫން އަދަދެއްކަން އެމް.އައި.އާރް.އޭ އަށް ގަބޫލުކުރެވޭވަރަށް އޭނާ ސާބިތުކޮށްދީފިނަމަ، އޭނާ އަދަބުގެ ގޮތުގައި ދައްކަންޖެހޭ ފައިސާވެސް އެ އަދަދަށްވުރެ ބޮޑު ވެގެން ނުވާނެއެވެ.

 

33 ވަނަ މާއްދާ - ޓެކްސް ނުދެއްކުން އަދި އެހެން ގޮތްގޮތުން ގާނޫނާ ހިލާފުވުން

(ހ) ވިތްހޯލްޑިންގ ޓެކްސް ނަމަވެސް، އެއްވެސް އަދަދެއްގެ ޓެކްސްއެއް އެ ދައްކަންޖެހޭ ދުވަހަށް ނުދައްކާހުރެފި މީހަކަށް ދެވޭނެ މަދަނީ އަދަބަކީ 250،000 (ދެލައްކަ ފަންސާސް ހާސް) ރުފިޔާއިން ނުވަތަ އެންމެފަހު ދުވަހާހަމައަށް ނުދައްކާހުރި ޓެކްސްގެ އަދަދުގެ ދެގުނައާ އެއްވަރުގެ އަދަދެއް، މި ދެ އަދަދުން ބޮޑު އަދަދެއްގެ ޖޫރިމަނާއެއް ދެއްކުމެވެ.

(ށ) ދައްކާ އެއްވެސް ފައިސާއަކުން، މި ގާނޫނުން ހުއްދަކުރާ ގޮތަކަށް ވިތްހޯލްޑިންގ ޓެކްސް ކެނޑުމަށް އިންކާރުކުރާ ކޮންމެ މީހަކުވެސް މަދަނީ އަދަބެއްގެ ގޮތުން 50,000 (ފަންސާސް ހާސް) ރުފިޔާއިން ޖޫރިމަނާވާނެއެވެ.

(ނ) މި ގާނޫނުގެ ދަށުން ވިތްހޯލްޑިންގ ޓެކްސް ނެގެންޖެހޭ އެއްވެސް އަދަދަކުން އެ ޓެކްސް އުނިނުކޮށް، އެ ފައިސާއެއް ދައްކަން، ވެވޭ ކޮންމެ އެއްބަސްވުމަކީ ބާތިލު އެއްޗެކެވެ

(ރ) ޓެކްސް ނެގުމާބެހޭ ގާނޫނުތަކުން ލާޒިމުކުރާ އެއްވެސްކަމަކާ އެއްގޮތަށް އަމަލުނުކޮށްފި މީހަކު، އެކަމަކަށް އެހެން އެއްވެސް މަދަނީ އަދަބެއް ކަނޑައެޅިފައިނުވާނަމަ، މަދަނީ އަދަބެއްގެ ގޮތުން 125,000 (އެއްލައްކަ ފަންސަވީސް ހާސް) ރުފިޔާއިން ޖޫރިމަނާވާނެއެވެ.

(ބ) މި ގާނޫނުގެ ދަށުން ކުށެއް ކުރިކަމަށް އެއްވެސް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ، އެ ކުށަކަށް އެހެން އެއްވެސް ޖިނާއީ އަދަބެއް ކަނޑައެޅިފައިނުވާނަމަ، އޭނާއަށް ދެވޭނެ އަދަބަކީ 250,000 (ދެލައްކަ ފަންސާސް ހާސް) ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުން ނުވަތަ ގިނަވެގެން 3 (ތިނެއް) މަސްދުވަހުގެ މުއްދަތަކަށް ގޭގައި ބަންދުކުރުން ނުވަތަ ޖަލަށްލުން މިއެވެ

 

34 ވަނަ މާއްދާ - އެމް.އައި.އާރް.އޭ އިން އަދަބު ކަނޑައެޅުން

(ހ) މި ގާނޫނުގެ ދަށުން މަދަނީ އަދަބު ކަނޑައަޅާނީ އެމް.އައި.އާރް.އޭ ގެ ނިންމުމަކުންނެވެ.

(ށ) ވަކި އަދަދެއް ކަނޑައަޅާފައިނުވާ އަދަބެއްނަމަ، އެއީ ދައްކަންޖެހޭ ޓެކްސްއަށް ބިނާކުރަންޖެހިފައިވާ އަދަދެއްނަމަ، އެ އަދަބުގެ އަދަދަކީ އެމް.އައި.އާރް.އޭ ގެ ނަޒަރުގައި ރަނގަޅު އަދަދުކަމަށްވާނެ، އަދި އެ އަދަބަކީ އިހްތިޔާރަށް ބިނާކުރެވިފައިވާ އަދަދެއްނަމަ، އެ އަދަބުގެ އަދަދަކީ އެމް.އައި.އާރް.އޭ ގެ ނަޒަރުގައި އެކަށީގެންވާ އަދަދެއްކަމަށްވާނެ އަދަދެކެވެ.

(ނ) މި މާއްދާގެ ދަށުން އަދަބު ކަނޑައެޅިއްޖެނަމަ، އެ ފައިސާ ދައްކަންޖެހޭ މީހާއަށް އެންގުމެއްގެ ސިފައިގާ އެންގި، އަދި މި އެންގުމުގައި އެންގުން ނެރުނު ތާރީހާއި އެ ނިންމާފައިވާ ނިންމުމާމެދު އިސްތިއުނާފަށް ހުށަހެޅޭނެ މުއްދަތުވެސް ބަޔާންކުރެވިފައި އޮންނަންޖެހޭނެއެވެ.

(ރ) މި މާއްދާގެ ދަށުން ނިންމާފައިވާ އަދަބެއްގެ އަދަދަކީ ފުދޭވަރަށްވުރެ ކުޑަ އެއްޗަކަށް ވެއްޖެއްކަމަށް އެމް.އައި.އާރް.އޭ އަށް ފާހަގަކުރެވިއްޖެނަމަ، އެ އޮތޯރިޓީން ނިންމާ ނިންމުމަކުން ފުރަތަމައިނުން ކަނޑައެޅެންވީ އަދަދަށް، އެ އަދަދު ބަދަލުކުރެވިދާނެއެވެ.

(ބ) ދައްކަންޖެހޭ ޓެކްސްއަށް ބިނާކޮށްގެން މި މާއްދާގެ ދަށުން އަދަބެއް ކަނޑައަޅާފައިވަނިކޮށް، އެގޮތަށް ކަނޑައެޅުމުގެ ފަހުން، އެގޮތަށް ކަނޑައެޅުމުގައި ބަލާފައިވާ ޓެކްސްގެ އަދަދަކީ މާބޮޑު އަދަދެއްކަމަށް އެމް.އައި.އާރް.އޭ އަށް ފާހަގަކުރެވޭނަމަ، އެ ނިންމުން އިސްލާހުކޮށް، ރަނގަޅު އަދަދަށްވާގޮތަށް އެ އަދަބު ބަދަލުކޮށް ނިންމަންޖެހޭނެއެވެ. އަދި އެ ރަނގަޅު އަދަދަށްވުރެ އިތުރަށް ފައިސާ ދައްކާފައިވާނަމަ، އެ އިތުރުވާ އަދަދު އަނބުރާ ދައްކަންޖެހޭނެއެވެ.

(ޅ) މި މާއްދާގައި، ޓެކްސްއަށް ބިނާކޮށްގެން ކަނޑައަޅާއިފައިވާ އަދަބެއްކަމަށް ބުނެފައި އެވަނީ، ބަދަލުވެދާނެ ޓެކްސް އަދަދަކަށް ބަލައިގެން ނިންމަންޖެހޭ ނިންމުމެކެވެ.

 

35 ވަނަ މާއްދާ - ޖޫރިމަނާ ދެއްކުން އަދި އިސްތިއުނާފު

(ހ) މި ގާނޫނުގެ 34 ވަނަ މާއްދާގެ ދަށުން، ކަނޑައެޅިފައިވާ އަދަބެއް، އެ އަދަބު ކަނޑައެޅުނުކަން އެންގި އެންގުން ނެރުނު ދުވަހުން ފެށިގެން 45 (ސާޅީސް ފަހެއް) ދުވަސް ހަމަވުމުގެ ކުރިން ދައްކައި ނިންމަންޖެހޭނެއެވެ. އަދި އެ މުއްދަތުގެ އެންމެފަހު ދުވަހަށް ނިސްބަތްކުރާނީ "އަދަބުގެ ފައިސާ ދައްކަންޖެހޭ ދުވަސް" މިހެންނެވެ.

(ށ) މި ގާނޫނުގެ 34 ވަނަ މާއްދާގެ ދަށުން، ކަނޑައެޅިފައިވާ އަދަބެއް އެންމެހައި ބޭނުންތަކަށްވެސް ބަލަންޖެހޭނީ އަދަބުގެ ފައިސާ ދައްކަންޖެހޭ ދުވަހު ދައްކަންޖެހިފައިވާ އަދި ބިނާކުރެވިފައިވާ ޓެކްސްގެ ގޮތުގައެވެ.

(ނ) އެ މީހެއްގެ މައްޗަށް މަދަނީ އަދަބެއް ކަނޑައެޅިފައިވާ މީހަކު މި ގާނޫނުގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް، އެ ނިންމުމާމެދު އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.

(ރ) މި ގާނޫނުގެ 34 ވަނަ މާއްދާގެ ދަށުން ކަނޑައެޅިފައިވާ އަދަބަކީ، އެ އަދަބަކާމެދު ނުވަތަ އެ އަދަބާގުޅޭ ޓެކްސްގެ އެއްވެސް އަދަދަކާމެދު އިސްތިއުނާފަށް ހުށަހެޅިފައިވީނަމަވެސް، އެ އަދަބުގެ ފައިސާ ދައްކަންޖެހޭ ދުވަހާހަމައަށް ދައްކާ ނިންމަންޖެހޭނެ އެއްޗެކެވެ. އެހެންނަމަވެސް، އިސްތިއުނާފުން އެ އަދަބު ކުޑަކޮށްފިނަމަ ނުވަތަ ބާތިލުކޮށްފިނަމަ، އެ އަދަބުގެ ފައިސާދެއްކި ދުވަހުން ފެށިގެން އަހަރަކު %5 (ފަހެއް އިންސައްތަ) ގެ ރޭޓްއިން އިންޓްރެސްޓްއާއެކު އެމް.އައި.އާރް.އޭ އިން އެ ފައިސާ އަނބުރާ ދައްކަންޖެހޭނެއެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން އެއްވެސް މީހަކަށް އެއްވެސް ފައިސާއެއް އަނބުރާ ލިބެންޖެހޭނަމަ، އަދި އެމީހަކު މި ގާނޫނުގެ ދަށުން އެއްވެސް ފައިސާއެއް ދައްކަންޖެހިފައިވާނަމަ، އެމީހަކަށް އަނބުރާ ލިބޭނީ އެމީހަކު ދައްކަންޖެހޭ ފައިސާއިން އެމީހަކަށް އަނބުރާ ލިބެންޖެހޭ ފައިސާއާއި އޭގެ އިންޓްރެސްޓްގެ އަދަދު އެއްކުރުމަށްފަހު ނުވަތަ ކެނޑުމަށްފަހު ބާކީވާ އަދަދެކެވެ

 

36 ވަނަ މާއްދާ - ޖޫރިމަނާއާބެހޭ މައްސަލަތަކުގައި ބޭނުންކުރާ ހެކި

(ހ) މި ގާނޫނުގެ 5 ވަނަ ބާބުގެ ބޭނުމަށްޓަކައި އަދި މި ގާނޫނުގެ ދަށުން އެއްވެސް ކުށަކާމެދު ހިންގާ އެއްވެސް މައްސަލައެއްގައި، ޓެކްސްގެ މިވެނި އަދަދަކީ ބިނާކުރެވިފައިވާ ޓެކްސްކަން އެމް.އައި.އާރް.އޭ އިން ސޮއިކޮށްފައިވާ ލިޔުމަކީ މިކަން ސާބިތުކުރުމަށްޓަކައި ފުދޭނެ ހެއްކެކެވެ.

(ށ) މި ގާނޫނުގެ 5 ވަނަ ބާބުގެ ބޭނުމަށްޓަކައި އަދި މި ގާނޫނުގެ ދަށުން އެއްވެސް ކުށަކާމެދު ހިންގާ އެއްވެސް މައްސަލައެއްގައި، އަދަބެއްގެ ގޮތުގައި މިވެނި އަދަދެއް ކަނޑައެޅިފައިވާކަން އެމް.އައި.އާރް.އޭ އިން ސޮއިކޮށްފައިވާ ލިޔުމަކީ މިކަން ސާބިތުކުރުމަށްޓަކައި ފުދޭނެ ހެއްކެކެވެ.

 

37 ވަނަ މާއްދާ - އަދަބުތަކުން ލުޔެއް ދިނުން

އެމް.އައި.އާރް.އޭ އަށް ފެނިއްޖެނަމަ އަދަބު ލުއިކޮށްދީ، އަދަބެއްގެ މައްސަލައެއް ފަސްކޮށްދީ ނުވަތަ ދެމައްސަލައެއް އެއްކޮށްލައި، އަދި ނިޔާ ކަނޑައެޅުމަށްފަހު، އަދަބު އިތުރަށް ލުއިކޮށްދީ ނުވަތަ އެއްކޮށް މައާފުކޮށްދިނުމަކީ، އެމް.އައި.އާރް.އޭ އަށް އިހްތިޔާރު ލިބިގެންވާ ކަންކަމެވެ.

 

38 ވަނަ މާއްދާ - ޖިނާއީ އެހެން މައްސަލަތަކަށް ތަންދިނުން

މި ގާނޫނުގެ މާއްދާތަކުން އެހެން އެއްވެސް ގާނޫނެއްގެ ދަށުން ކުރެވޭ އެއްވެސް ޖިނާއީ ދައުވާއަކަށް ހުރަހެއް ނޭޅޭނެއެވެ. އެހެންނަމަވެސް، އެއް ކުށަކަށް ދެފަހަރަކު އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއް ނުކުރެވޭނެއެވެ.

 

39 ވަނަ މާއްދާ - ޖިނާއީ މައްސަލަ ހުށަހެޅުމުށާއި ނިންމުންތަކަށް ކަނޑައެޅިފައިވާ މުއްދަތުތަށް

(ހ) އެއްވެސް މީހަކާމެދު މި ގާނޫނުގެ ދަށުން އެއްވެސް ކުށެއްކުރިކަމުގެ ތުހުމަތުގައި، އެ ކުށެއް ކުރިކަމަށް ތުހުމަތުކުރެވޭ ޓެކްސް އަހަރު ("ހިލާފުވީ އަހަރު") ނިމޭ ތާރީހުން ފެށިގެން 6 (ހައެއް) އަހަރު ދުވަހުގެ މުއްދަތެއް ހަމަވުމުގެ ކުރިން، ނުވަތަ ހިލާފުވީ އަހަރުގެ ޓެކްސް ބިނާކުރެވިފައިވާ ޓެކްސްއަށްވާ ފައިސާ ޓެކްސް އަހަރުގެ ނިމޭތަނުން ފެށިގެން 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތެއް ހަމަވުމުގެ ކުރިން (މި ދެ ތާރީހުންކުރެ ފުރަތަމަ އަންނަ ތާރީހެއްގެ ކުރިން) ށަރީއަތަށް ހުށަހަޅައިގެން މެނުވީ ޖިނާއީ ދައުވާއެއް ނުކުރެވޭނެއެވެ.

(ށ) އެއްވެސް މީހަކާމެދު މި ގާނޫނުގެ ދަށުންކޮށްފައިވާ އެއްވެސް އަމަލަކަށް ނުވަތަ ނުކޮށް ދޫކޮށްލިކަމަކަށް، އެ ކުރިކަމަށް ނުވަތަ ނުކޮށް ދޫކޮށްލިކަމަށް ތުހުމަތުކުރެވޭ ޓެކްސް އަހަރު ("ހިލާފުވީ އަހަރު") ނިމޭ ތާރީހުން ފެށިގެން 4 (ހަތަރެއް) އަހަރު ދުވަހުގެ މުއްދަތެއް ހަމަވުމުގެ، ނުވަތަ ހިލާފުވީ އަހަރުގެ ޓެކްސް ބިނާކުރެވިފައިވާ ޓެކްސްއަށްވާ ޓެކްސް އަހަރުގެ ނިމުން ތާރީހުން ފެށިގެން 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތެއް ހަމަވުމުގެ (މި ދެ ތާރީހުންކުރެ ފުރަތަމަ އަންނަ ތާރީހެއްގެ) ފަހުން އެއްވެސް އަދަބެއް ނުވަތަ އަދަބެއްގެ އަދަދެއް ކަނޑައަޅައިގެން ނުވާނެއެވެ.

(ނ) ކުށެއް ކޮށްފައިވާކަން ނުވަތަ އަދަބެއް ކަނޑައަޅަންޖެހޭކަމެއް އެމް.އައި.އާރް.އޭ އަށް ނޭނގޭނަމަ ނުވަތަ އެފަދަ ކަމަކަށް ތުހުމަތުކުރެވޭވަރަށް އެކަށީގެންވާ ސަބަބުތަކެއް ފެނިފައިނުވާނަމަ، މި މާއްދާގެ (ހ) އަދި (ށ) ގައި ބުނެފައިވާ 4 (ހަތަރެއް) އަހަރުގެ މުއްދަތު ހިނގަން ފަށާނީ، ކޮމިށަނަރއަށް އެކަން އެނގުނު ނުވަތަ ތުހުމަތު ކުރެވޭވަރަށް އެކަށީގެންވާ ސަބަބުތަކެއް ފެނުނު ޓެކްސް އަހަރު ނިމޭ ތާރީހުން ފެށިގެންނެވެ.

(ރ) މަކަރާއި ހީލަތް ނުވަތަ ގަސްތުގައި ފަރުވާ ކުޑަކުރުން ނުވަތަ ގަސްތުގައި ޓެކްސް ދެއްކުމުން ރެކުން އެކުލެވޭ އެއްވެސް ކުށެއްނަމަ، އެ ކުށެއް ކުރިކަމަށް ތުހުމަތުކުރެވޭ ތާރީހުން ފެށިގެން 10 (ދިހައެއް) އަހަރު ދުވަހުގެ ތެރޭގައި އެ މައްސަލަ ކޯޓަށް ފޮނުވައިގެން ށަރީއަތް ހިންގިދާނެއެވެ.

(ބ) ކަމެއް ކުރުމުން ނުވަތަ ނުކޮށް ދޫކޮށްލުމުން މަދަނީ އަދަބެއްދެވޭ ކަމެއްގައި މަކަރާއި ހީލަތް ނުވަތަ ގަސްތުގައި ފަރުވާކުޑަކުރުން ނުވަތަ ގަސްތުގައި ޓެކްސް ދެއްކުމުން ރެކުން އެކުލެވޭ އެއްވެސް މައްސަލައެއްގައި، އެކަމެއް ކުރިކަމަށް ނުވަތަ ނުކޮށް ދޫކޮށްލިކަމަށް ތުހުމަތުކުރެވޭ ތާރީހުން ފެށިގެން 10 (ދިހައެއް) އަހަރު ދުވަހުގެ ތެރޭގައި އެކަމަށް އަދަބެއް ކަނޑައެޅިދާނެއެވެ.

 

40 ވަނަ މާއްދާ - ޖޫރިމަނާއަށް އިންޓްރެސްޓް ނެގުން

މި ގާނޫނުގެ އެއްވެސް މާއްދާއެއްގެ ދަށުން ކަނޑައެޅޭ ޖޫރިމަނާއެއްގައި، އެ ފައިސާ ދައްކަންޖެހޭ އަދި ދައްކަން ފަށަންޖެހޭ ދުވަހުން ފެށިގެން ދައްކާ ހަލާސްކުރާ ދުވަހާ ހަމައަށް އަހަރަކު %5 (ފަހެއް އިންސައްތަ) ގެ ރޭޓްއިން އިންޓްރެސްޓް އަރަމުން ދާނެއެވެ.


6 ވަނަ ބާބު

އާންމު އަދި އިތުރު މާއްދާތައް

 

41 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެން، މީލާދީ 6 (ހައެއް) މަސްދުވަސް ފަހުންނެވެ. އަދި މި ގާނޫނަށް އަމަލުކުރަން ފަށާ ދުވަހު ނުވަތަ އެއަށްފަހު ފެށޭ ޓެކްސް އަހަރުތަކުގައި، މި ގާނޫނުގައި ބަޔާންކުރެވޭގޮތަށް ޓެކްސް ނެގޭނެއެވެ.

 

42 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން

މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބުނެފައިނުވާނަމަ، މި ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި، މި ގާނޫނުގައިވާ ކަންކަން ހިންގާ ބަލަހައްޓާނީ އެމް.އައި.އާރް.އޭ އިންނެވެ. އަދި މި ގަވާއިދުތައް މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ހަދައި ނިންމަންވާނެއެވެ.

 

43 ވަނަ މާއްދާ – މާނަ

(ހ) މި ގާނޫނުގައި، ކަނޑައެޅިގެން އެހެން ގޮތަކަށް ބުނެފައިނުވާހާ ހިނދަކު:

"ހިސާބުކުރުމުގެ މުއްދަތު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ހިސާބުކުރުމުގެ މުއްދަތު ކަމުގައި ބަޔާންކުރާ މުއްދަތަށެވެ.

"ހިސާބުތައް" ކަމަށް ބުނެފައި އެވަނީ، ބެލެންސް ށީޓް، ފައިދާއާއި ގެއްލުމުގެ ހިސާބު، ހިސާބުތަކާ ގުޅިފައިވާ ޖަދުވަލުތަކާއި، ނޯޓްތައް، ޑިރެކްޓަރުންގެ ރިޕޯޓް، ހިސާބުތަކާގުޅޭ އޮޑިޓަރުންގެ ރިޕޯޓް އަދި މިނޫނަސް އެ ލިޔުންތަކާއި އެކުގައިވާ ނުވަތަ އެ ލިޔުންތަކުގައި ހިމެނިފައިވާ އެހެން ހުރިހާ ލިޔުންތަކަށެވެ.

"ބިނާކުރެވިފައިވާ ޓެކްސް" އަދި "އެސެސްމެންޓް" އަދި މިއާގުޅޭ ލަފުޒުތަކުގައި ހިމެނޭނީ، މި ގާނޫނުގެ 44 ވަނަ މާއްދާގައި ދެވިފައިވާ މާނަތަކެވެ.

"ޖަމާއަތް" ކަމަށް ބުނެފައި އެވަނީ، ކުންފުންޏާއި ނުވަތަ ޕާރޓްނަރށިޕް ފިޔަވައި، ކުންފުނީގެ ސިފައިގައި ނުވަތަ އެހެން ސިފައެއްގައި އެކަކަށްވުރެ ގިނަ މީހުން ބައިވެރިވެގެން ހިންގާ ޖަމާއަތަށެވެ.

"ވިޔަފާރި" ކަމަށް ބުނެފައި އެވަނީ، ވަޒީފާ އަދާކުރުން ނުހިމެނޭގޮތަށް ތިރީގައިވާ ކަންކަމަށެވެ.

  1. ހުރިހާ ބާވަތެއްގެ ފަންނީ އަދި އެނޫންވެސް މަސައްކަތާއި، އެންމެހައި ވިޔަފާރިއާއި، އުފެއްދުންތެރިކަމާއި، ދަނޑުވެރިކަމާއި، ދަނޑުގޮވާން ކުރުމާއި، ހޯޓިކަލްޗަރއާއި، ލަކުޑި ގަސްހެއްދުމާއި، ފެނުގައި ގަސްގަހާގެހި ހެއްދުމާއި، ކުކުޅުހާ ފަދަ ދޫނީގެ ބާވަތްތައް ގެންގުޅުމާއި ނުވަތަ ގެރިބަކަރި ފަދަ ޖަނަވާރު ގެންގުޅުން، މަސްވެރިކަމާއި، މަސްމަހާމެހި ދިރުވައި ގެންގުޅުމާއި، އަދި އެނޫންވެސް މާލީ ފައިދާއެއް ނުވަތަ އިތުރުކުރުމެއް ހޯދުމުގެ ބޭނުމުގައި ހިންގާ އެންމެހައި ހަރަކާތްތައް.
  2. ކޮންމެވެސް އަގެއްހުރި މުގާބިލަކަށް ނުއުފުލޭ މިލްކިއްޔާތެއް ބޭނުންކުރުމުގެ ހައްގުދިނުން.

"ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން ނެގޭ ޓެކްސްއަށެވެ.

"އަމަލުކުރަން ފެށޭ ދުވަސް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނަށް އަމަލުކުރަންފެށޭ ދުވަހަށެވެ.

"ކުންފުނި" ކަމަށް ބުނެފައި އެވަނީ، ކޮންމެ ތަނެއްގައި ރަޖިސްޓަރީކުރެވިފައިވާ ނުވަތަ އުފައްދާފައިވާ ކޮންމެ ވިޔަފާރީގެ ވަކި ށަހްސަކަށެވެ.

"ކޮންޓްރޯލް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 45 ވަނަ މާއްދާގައި ދެވިފައިވާ މާނައަށެވެ.

"އެމް.އައި.އާރް.އޭ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-03 (ޓެކްސް ނެގުމުގެ އިދާރީ ގާނޫނު) ގެ ދަށުން "މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ" ގެ ނަމުގައި އުފައްދަވާފައިވާ މުއައްސަސާއަށެވެ.

"ހުށަހަޅަންޖެހޭ ދުވަސް" ކަމަށް ބުނެފައި އެވަނީ، ޓެކްސް ރިޓަރންއާގުޅޭ ގޮތުން، މި ގާނޫނުގެ 17 ވަނަ މާއްދާގެ ދަށުން، އެ ޓެކްސް ރިޓަރން ހުށަހަޅަންޖެހޭ އެންމެފަހު ދުވަހަށެވެ.

"ވަޒީފާ" ކަމަށް ބުނެފައި އެވަނީ، ވަޒީފާގެ އެއްބަސްވުމެއްގެ ދަށުން އަދާކުރާ ވަޒީފާއަށެވެ.

"އާއިލާ" ކަމަށް ބުނެފައި އެވަނީ، ދެމަފިރިންނާއި، އެ ދެމަފިރިންގެ ބަލަދުއަރާ ދަރިންނާއި، ދޮންދަރިންނަށެވެ.

"ޖުމްލަ އާމްދަނީ" ކަމަށް ބުނެފައި އެވަނީ، ޓެކްސް ނެގޭ ފައިދާއާގުޅޭ ގޮތުން މި ގާނޫނާއެއްގޮތަށް އެއްވެސް އަދަދެއް ކެނޑުން ނުވަތަ އުނިކުރުމުގެ ކުރިން އެ ފައިދާތައް ހިސާބުކުރުން ބިނާކުރި އާމްދަނީއަށެވެ.

"ކޮމިށަނަރ ޖެނެރަލް" ކަމަށް ބުނެފައި އެވަނީ، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން އައްޔަންކޮށްފައިވާ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން އަށެވެ.

"އެންގުން" ކަމަށް ބުނެފައި އެވަނީ، ލިޔުމަކުން އެންގުމަށެވެ.

"ޓެކްސް ބިނާކުރެވުނުކަން އަންގާ އެންގުން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 21 ވަނަ މާއްދާގެ ދަށުން އަންގާ އެންގުމަށެވެ.

"ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 20 ވަނަ މާއްދާގެ ދަށުން އަންގާ އެންގުމަށެވެ.

"ދާއިމީ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، މި މާއްދާގެ (ބ) އާއި (ޅ) ގެ ދަށުން ދީފައިވާ މާނައަށެވެ.

"މީހާ" ކަމަށް ބުނެފައި އެވަނީ، މި މާއްދާގެ (ކ) އާއެއްގޮތްވާ ގޮތުގެމަތިން، ވަކިފަރުދެއް، ކުންފުންޏެއް، ޕާޓްނަރށިޕެއް، ކޯޕަރޭޓިވް ސޮސައިޓީއެއް، ޓްރަސްޓެއް އަދި ޖަމާއަތެއްވެސް ހިމެނޭ ގޮތަށެވެ.

"ކުންފުނީގައި އެކަށީގެން މަސްލަހަތެއް ލިބިފައިވާ މީހަކު" ކަމުގައި ބުނެފައި އެވަނީ، ވޯޓުލުމުގެ ހައްގު ލިބިދޭ ހިއްސާތަކުގެ ތެރެއިން މަދުވެގެން %5 (ފަހެއް އިންސައްތަ) ހިއްސާގެ މައްޗަށް ވޯޓުލުމުގެ ބާރު ހިންގޭ މީހަކަށެވެ.

"ކަނޑައެޅިފައިވާ ފޯމް" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން ކަނޑައަޅާފައިވާ ފޯމްއަށެވެ.

"ގަވާއިދު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކަށެވެ.

"އުޖޫރަ" ކަމަށް ބުނެފައި އެވަނީ، ޑިރެކްޓަރެއް ނުވަތަ ޕާޓްނަރއެއްގެ ވާޖިބުތައް އަދާކުރުމުގެ ސަބަބުން، ނުވަތަ ޑިރެކްޓަރެއް ނުވަތަ ޕާޓްނަރއެއްގެ މަގާމު ނުވަތަ ވަޒީފާގައި ހުރުމުގެ ސަބަބުން، ނަގުދު ފައިސާއިން ނޫނަސް ލިބޭ ކޮންމެ އިނާޔަތެއްވެސް ހިމެނޭ ގޮތަށެވެ. އެހެންނަމަވެސް، އެ އިނާޔަތަކީ ނަގުދު ފައިސާ ނުވަތަ ފައިސާގެ އަގުކަމަށް ނުވާނަމަ، އެ އިނާޔަތް ހިމެނޭނީ ގަވާއިދުގެ ދަށުން، އެ އިނާޔަތުގެ އަގުކުރުން ހަމަޖައްސާފައިވާ މިންވަރަކަށް އެކަންޏެވެ.

"ވަޒަންވެރި" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 46 ވަނަ މާއްދާގައި ދެވިފައިވާ މާނައަށެވެ.

"ރޯޔަލްޓީ" ކަމަށް ބުނެފައި އެވަނީ، ތިރީގައި ބަޔާންކުރެވިފައިވާ ގޮތަކަށް ދައްކާފައިވާ ފައިސާއަށެވެ.

  1. އެއްވެސް އިލްމީ، ފަންނީ ނުވަތަ ތަހުލީލީ މަސައްކަތެއްގެ ކޮޕީރައިޓްއެއް؛ އެއްވެސް ޕޭޓެންޓްއެއް، ޓްރޭޑްމާކްއެއް، ފަރުމާއެއް ނުވަތަ މޮޑެލްއެއް، ކުރެހުމެއް، ސިއްރު ފޯމިއުލާއެއް، ނުވަތަ ޕްރޮސެސްއެއް؛ ސިނާއީ، މަދަނީ ނުވަތަ ތަހުލީލީ މަސައްކަތްކުރާ ސާމާނު، މިއިން އެއްވެސް އެއްޗެއް ބޭނުންކުރުމަށް ނުވަތަ ބޭނުންކުރުމުގެ ހައްގު ހޯދުމަށް މުގާބިލެއްގެ ގޮތުގައި ދައްކާ ފައިސާ؛
  2. ސިނާއީ، މަދަނީ ނުވަތަ ތަހުލީލީ މަސައްކަތްކުރުމުގެ ތަޖުރިބާއާބެހޭ މައުލޫމާތު ދިނުމަށްދެވޭ ފައިސާ؛
  3. މައުދަން؛ މައުދަން އެކުލެވޭ ތެޔޮ އަދި އެހެނިހެން ގުދުރަތީ ވަސީލަތްތައް ނެގުމަށް މަސައްކަތްކުރުމުގެ ހައްގު ދިނުމުގެ މުގާބިލެއްގެ ގޮތުގައި ދައްކާ ވަކި މިންވަރެއް ކަނޑައެޅިފައިވާ ނުވަތަ ވަކި މިންވަރެއް ކަނޑައެޅިފައިނުވާ ފައިސާ.

"ޓެކްސް ނެގުމާބެހޭ ގާނޫނުތައް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނު ނުވަތަ ގާނޫނު ނަންބަރު 2010-03 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ނުވަތަ މި ދެ ގާނޫނުންކުރެ ގާނޫނެއްގެ ދަށުން ހެދިފައިވާ ގަވާއިދުތަކަށެވެ.

"ޓެކްސް ނެގޭ ފައިދާ" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 2 ވަނަ މާއްދާއާއި، 3 ވަނަ މާއްދާއާއި، 4 ވަނަ މާއްދާއާއި، 5 ވަނަ މާއްދާގައި ދެވިފައިވާ މާނައަށެވެ.

"ޓެކްސް ބަޔާން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 17 ވަނަ މާއްދާ ނުވަތަ 18 ވަނަ މާއްދާގެ ދަށުން ތައްޔާރުކޮށް ހުށަހެޅޭ ރިޓަރން އަދި މީގެ ތެރޭގައި ވަގުތު ފާއިތުވާ ފަހުން ހުށަހެޅޭ ނުވަތަ މި ގާނޫނުގެ 3 ވަނަ ބާބުގައިވާގޮތަށް އިސްލާހުކުރެވިފައިވާ ރިޓަރން ހިމެނޭގޮތަށެވެ.

"ޓެކްސް އަހަރު" ކަމަށް ބުނެފައި އެވަނީ، ކޮންމެ އަހަރެއްގެ 1 ޖެނުއަރީން ފެށިގެން 12 (ބާރަ) މަސްދުވަހުގެ މުއްދަތެވެ. މިސާލަކަށް ޓެކްސް އަހަރު 2012 ގެ މާނައަކީ، 1 ޖެނުއަރީ 2012 ން ފެށިގެން 31 ޑިސެމްބަރު 2012 އަށެވެ.

"ޓިން" ކަމަށް ބުނެފައި އެވަނީ، "ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު" އާއެއްގޮތަށް ކޮންމެ މީހަކަށް ކަނޑައެޅިފައިވާ ޓެކްސް ދައްކާ މީހެއްކަން އަންގައިދޭ ނަންބަރަށެވެ.

"ވިތްހޯލްޑިންގ ޓެކްސް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 6 ވަނަ މާއްދާގެ ދަށުން ބިނާކުރެވޭ ޓެކްސްއަށެވެ.

(ށ) މި ގާނޫނު ކިޔަންޖެހޭނީ، ގާނޫނު ނަންބަރު 2010-03 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) އެކުގައި އެކައްޗެއްގެ ގޮތުގައެވެ. މިހެންކަމުން، މި ގާނޫނުގައި މާނަކޮށްފައިވާ ކޮންމެ ބަހެއް ނުވަތަ ލަފުޒެއްވެސް، އެހެން މާނައެއް ދޭހަވާގޮތަށް އިބާރާތްކޮށްފައިނުވާނަމަ، މާނަކުރާނީ، އެ ގާނޫނުގައި މާނަކުރާ ގޮތަށެވެ.

(ނ) މި ގާނޫނުގެ ބޭނުމަށްޓަކައި، ޓެކްސް އަހަރެއްގައި ޓެކްސް ދައްކަންޖެހޭ ފަރާތެއްކަމަށް ވާނީ، އެ ފަރާތަކީ އެ އަހަރެއްގައި ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ކުންފުންޏަކަށްވާނަމަ، ނުވަތަ އެ އަހަރެއްގައި ދިވެހިރާއްޖޭގައި ވިޔަފާރިކުރަމުން ގެންދާ ފަރާތެއްކަމަށްވާނަމަ، ނުވަތަ ޓެކްސް އަހަރެއްގައި އެ ފަރާތެއްގެ ޓެކްސްނެގޭ ފައިދާ، މި ގާނޫނާއެއްގޮތަށް ހިސާބުކުރުމުގައި ހިމަނަންޖެހޭ އެއްވެސް އާމްދަނީއެއް ނުވަތަ އިތުރުވުމެއް ނުވަތަ ގެއްލުމެއް ވާނަމައެވެ. (އެ އަހަރެއްގައި އެފަރާތެއްގެ ޓެކްސް ނެގޭ އެއްވެސް ފައިދާއެއް ހުރިކަމުގައި ވީނަމަވެސް ނުވަތަ ނެތްކަމުގައި ވީނަމަވެސް މެއެވެ.)

(ރ) މި ގާނޫނުގެ މަގްސަދަށްޓަކައި؛

  1. އެއްވެސް ގެއްލުމެއް ހިސާބުކުރާނީ، ޓެކްސް ނެގޭ ފައިދާ ހިސާބުކުރަން ބޭނުންކުރާ އުސޫލުތަކާ އެއްގޮތަށެވެ. އަދި
  2. އެކައުންޓްސްތަކެއްގެ މައްޗަށް ބިނާނުކޮށް ޓެކްސްނެގޭ އާމްދަނީ ހިސާބުކުރާ އެއްވެސް ވަކި ފަރުދަކާގުޅޭ ގޮތުން، މި ގާނޫނުގައި، ޓެކްސް އަހަރެއްގައި ހިނގާނެ ހަރަދުތަކެއްކަމަށް ކޮށްފައިވާ ރިއާޔަތެއް ކޮންމެ ގޮތަކަށް ބަޔާންކޮށްފައި އޮތްކަމުގައި ވީނަމަވެސް، މާނަކުރާނީ އެ އަހަރެއްގައި ދައްކާފައިވާ ފައިސާއަށް ރިއާޔަތްކުރާ ގޮތަށެވެ.

(ބ) މި ގާނޫނުގައި، "ދާއިމީ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، މުޅި ވިޔަފާރި ނުވަތަ ވިޔަފާރީގެ ބައެއް ހިންގާ ވަކި ތަނަކަށެވެ. މީގެ ތެރޭގައި ތިރީގައި ބަޔާންކުރެވިފައިވާ ތަންތަން ހިމެނޭނެއެވެ؛

  1. ވިޔަފާރީގެ މެނޭޖްމަންޓް ގާއިމުވެފައިވާ ތަނެއް؛
  2. ގޮތްޕެއް؛
  3. އޮފީހެއް؛
  4. ފެކްޓްރީއެއް؛
  5. ގުދަނެއް؛
  6. ވަރކްށޮޕެއް؛
  7. ދަނޑު ނުވަތަ ދަނޑުބިމެއް؛
  8. މައުދަން ނަގާތަން، ތެޔޮބިން، ނުވަތަ އެހެނިހެންވެސް ގުދުރަތީ ވަސީލަތްތައް ނަގާ ތަންތަން؛
  9. އިމާރާތްތެއް ނުވަތަ މަސައްކަތްކުރާ ސަރަހައްދެއް ނުވަތަ އިމާރާތްކުރުމާއި، އިންސްޓޮލޭށަން ނުވަތަ އެސެންބްލް ކުރާ ޕްރޮޖެކްޓެއް؛
  10. ކުއްޔަށް ދޫކުރުމަށްޓަކައި ޕްލާންޓާއި މެށިނަރީ ބެލެހެއްޓުން.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކުރެވިފައިވާ ގޮތަށް ބުރޫނާރާ ގޮތުގެމަތިން، އެއްވެސް ފަރާތަކުން ދިވެހިރާއްޖޭގައި ދާއިމީ މަރުކަޒެއް ގާއިމުކޮށްފައިވާ ކަމަށް ބެލެވޭނީ، އެފަރާތުން؛

  1. އިމާރާތެއް ނުވަތަ މަސައްކަތްކުރާ ސަރަހައްދަކާ ނުވަތަ އިމާރާތްކުރުމާއި، އިންސްޓޯލްކުރުމާއި ނުވަތަ އެސެންބްލީ ކުރުމާބެހޭ މަށްރޫއުތަކާ ގުޅިގެން ސުޕަވައިޒް ކުރުމުގެ ހަރަކާތްތައް ހިންގުން.
  2. ތިރީގައި ބަޔާންކޮށްފައިވާ ކަމެއްކުރުމަށް އެ ފަރާތެއްގެ ބަދަލުގައި އެހެން ފަރާތެއް ދިވެހިރާއްޖޭގައި ހުރުން:

    2.1 ކޮންޓްރެކްޓް ކުރުމުގެ ބާރު ލިބިފައިވުން އަދި އާދަވެގެން އެ ބާރު ބޭނުންކުރުން؛ ނުވަތަ
    2.2 އެ ފަރާތެއްގެ ބަދަލުގައި ތަކެއްޗާއި ނުވަތަ މުދާ ރައްދުކޮށްދިނުމަށްޓަކައި މުދަލުގެ ސްޓޮކް ބެލެހެއްޓުން؛ ނުވަތަ
    2.3  އެ ފަރާތައް ނުވަތަ އެ ފަރާތުގެ ކޮންޓްރޯލް ދަށުގައިވާ ވިޔަފާރިއަކަށް އާންމުކޮށް އޯޑަރ ހޯދައި ދިނުން

(ކ) މި ގާނޫނުގެ މަގްސަދަށްޓަކައި، "ފަރާތް" ކަމަށް ބުނެފައި އެވަނީ، އެއްވެސް ސަރުކާރު އިދާރާއެއް ނުވަތަ ސަރުކާރު އިދާރާއެއްގެ ބަޔަކަށްވާ ތަނެއް ނުހިމެނޭ ގޮތަށެވެ. އެހެންނަމަވެސް، މި މާނައިގައި ވަޒީރަކު، ވަޒީރެއްގެ ހައިސިއްޔަތު ނޫން އެހެން ހައިސިއްޔަތެއްގައި އަމަލުކުރައްވާއިރު ހިމެނޭނެއެވެ.

(އ) މި ގާނޫނުގެ މަގްސަދަށްޓަކައި، އިބާރާތްކުރުމުގައި އެކަހެރި ނަން ގިނަނަމުގެ ތެރޭގައި އަދި ގިނަނަން އެކަހެރި ނަމުގެ ތެރޭގައި ހިމެނެއެވެ.

 

44 ވަނަ މާއްދާ - ބިނާކުރެވިފައިވާ ޓެކްސް، ބިނާކުރުން އަދި ގުޅުންހުރި ލަފްޒުތައް

(ހ) މި މާއްދާއަކީ، މި ގާނޫނުގެ މަގްސަދަށްޓަކައި "ބިނާކުރެވިފައިވާ ޓެކްސް"، "ބިނާކުރުން" އަދި މިއާ ގުޅިފައިވާ ލަފުޒުތައް މާނަކުރުމުގައި އަމަލުކުރަންޖެހޭ މާއްދާއެކެވެ.

(ށ) "ބިނާކުރެވިފައިވާ ޓެކްސް" އަކީ، އަމިއްލައަށް ބިނާކޮށްފައިވާ ނުވަތަ މި ގާނޫނުގެ 21 ވަނަ މާއްދާގެ ދަށުން އެމް.އައި.އާރް.އޭ އިން ބިނާކޮށްފައިވާ އެމީހަކު ދައްކަންޖެހޭ ޓެކްސްގެ މިންވަރެވެ.

(ނ) "ބިނާކުރުން" އަކީ، މި ގާނޫނުގެ 17، 18 ނުވަތަ 21 ވަނަ މާއްދާގެ ދަށުން ބިނާކުރާ ބިނާކުރުމެވެ.

(ރ) "އެމް.އައި.އާރް.އޭ އިން ބިނާކުރުން" އަކީ، މި ގާނޫނުގެ 21 ވަނަ މާއްދާގެ ދަށުން ބިނާކުރާ ބިނާކުރުމެވެ.

(ބ) "އަމިއްލައަށް ބިނާކުރުން" އަކީ، މި ގާނޫނުގެ 17 ނުވަތަ 18 ވަނަ މާއްދާގެ ދަށުން ޓެކްސް ބަޔާނެއްގައި ޓެކްސް ދައްކަންޖެހޭ މިންވަރު ކަނޑައެޅުމެވެ. އަދި މި މާނައިގެ ތެރޭގައި މި ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން އެ ޓެކްސް ބަޔާނަކަށް ގެނެވޭ އިސްލާހުތައްވެސް ހިމެނެއެވެ.

(ޅ) ބިނާކުރެވިފައިވާ ޓެކްސްގެ އެންމެފަހު މިންވަރުކަމަށް ބަލާނީ:

  1. ބަލާކަން އަންގާ އެންގުމެއް ފޮނުވަން ދެވިފައިވާ މުއްދަތުގެ ތެރޭގައި އެފަދަ އެންގުމެއް ނުފޮނުވާ އެ މުއްދަތު ހަމަވުން؛ ނުވަތަ
  2. މި ގާނޫނުގެ 26 ވަނަ މާއްދާގެ ދަށުން އިންކާރުކުރަން ދެވިފައިވާ މުއްދަތުގެ ތެރޭގައި އެފަދަ އިންކާރެއް ނުކޮށް އެ މުއްދަތު ހަމަވުމުން؛ ނުވަތަ
  3. އެފަދަ އިންކާރެއް ކޮށްފައިވާނަމަ، އެ އިންކާރާމެދު އެންމެފަހު ގޮތް ނިންމުމުންނެވެ.

(ކ) މި ގާނޫނުގެ 26 ވަނަ މާއްދާގެ ދަށުން ކުރާ އިންކާރަކާމެދު އެންމެފަހު ގޮތް ނިންމުނުކަމަށް ބެލެވޭނީ 26 ވަނަ މާއްދާގެ ދަށުން އިސްތިއުނާފަށް ހުށަހެޅިދާނެ މުއްދަތުގެ ތެރޭގައި އިސްތިއުނާފަށް ހުށަނޭޅި އެ މުއްދަތު ހަމަވުމުން ނުވަތަ އެފަދަ އިސްތިއުނާފެއް ހުށަހެޅި އެއަށްގޮތެއް ނިންމުމުންނެވެ.

 

45 ވަނަ މާއްދާ - "ކޮންޓްރޯލް" ގެ މާނަ

(ހ) މި ގާނޫނުގެ މަގްސަދަށްޓަކައި، ކުންފުންޏެއްގެ ކަންތައްތައް ހިންގާ، ނުވަތަ އެ ކުންފުނީގެ ކަންތައްތައް ސީދާ ނުވަތަ ނުސީދާ ގޮތުގައި ހިންގޭނެ ނުވަތަ ހިންގުމުގެ ހައްގެއް ލިބިފައިވާ ފަރާތަކީ، އެ ކުންފުނި ކޮންޓްރޯލްކުރާ ފަރާތްކަމަށް ބެލެވޭނެއެވެ.

(ށ) ވަކިން ހާއްސަކޮށް، އެ ފަރާތެއްގެ ކޮންޓްރޯލް ކުންފުންޏަކަށް އޮތްކަމަށް ބެލެވޭނީ އެ ފަރާތަކީ؛

  1. އެކުންފުނީގެ ހިއްސާގެ ރައުސްމާލުގެ ނިސްބަތުން ބޮޑުބައި، ނުވަތަ ވިއްކާފައިވާ ހިއްސާގެ ރައުސްމާލުގެ ބޮޑުބައި، ނުވަތަ އެ ކުންފުނީގައި ވޯޓުދިނުމުގެ ބާރުގެ ބޮޑުބައި އެ ފަރާތަކަށް ލިބިފައިވާނަމަ ނުވަތަ ހޯދުމުގެ ހައްގު ލިބިފައިވާނަމަ؛ ނުވަތަ
  2. ލޯނު ދޫކުރިފަރާތެއްގެ ހައިސިއްޔަތުން އެއްވެސް ފަރާތަކަށް ލިބިފައިވާ ހައްގަކަށް ބެލުމަކާނުލައި ކުންފުނީގެ މުޅި އާމްދަނީ ހުރިހާ ބައިވެރިންގެ މެދުގައި ބަހާލައިފިނަމަ، އެ ބަހާލެވުނު އަދަދުގެ ބޮޑު ބައެއް، ކުންފުނީގެ ވިއްކާފައިވާ ހިއްސާގެ ރައުސްމާލުގެ ނިސްބަތުން އެ ފަރާތަކަށް ލިބޭނަމަ ނުވަތަ ހޯދުމުގެ ހައްގު ލިބޭނަމަ؛ ނުވަތަ
  3. ކުންފުނި އުވާލުމުން ނުވަތަ އެފަދަ އެހެން ހާލަތެއް މެދުވެރިވުމުން، ބައިވެރިންގެ މެދުގައި ބަހާލުމަށް ލިބޭނެ ކުންފުނީގެ މިލްކިއްޔާތުގެ ބޮޑު ބައެއް އެފަރާތަކަށް ލިބޭވަރުގެ ހައްގުތަކެއް އެ ފަރާތަކަށް ލިބިފައިވާނަމަ ނުވަތަ ހޯދުމުގެ ހައްގު ލިބިފައިވާނަމައެވެ.

(ނ) އެއްވެސް ހައްގެއް ނުވަތަ މަސްލަހަތެއް ނުވަތަ ބާރެއް ކުރިއަށް އޮތް ތާރީހެއްގައި ހޯދުމުގެ ހައްގު އެ ފަރާތަކަށް ލިބިފައިވާނަމަ ނުވަތަ އެފަދަ އެއްވެސް ހައްގެއް ނުވަތަ މަސްލަހަތެއް ނުވަތަ ބާރެއް ހޯދުމުގެ ހައްގު ކުރިއަށް އޮތް ތާރީހެއްގައި ލިބޭނެކަމަށް ވާނަމަ، މި މާއްދާގެ ބޭނުމަށްޓަކައި އެ ފަރާތެއް ބެލެވޭނީ އެ ހައްގެއް ނުވަތަ މަސްލަހަތެއް ނުވަތަ ބާރެއް ހޯދުމުގެ ހައްގު ލިބިފައިވާ ކަމަށެވެ.

(ރ) މި މާއްދާގެ ބޭނުމަށްޓަކައި، އެއްވެސް ހައްގެއް ނުވަތަ ބާރެއް،

  1. އެ ފަރާތެއްގެ ބަދަލުގައި އެހެން ފަރާތަކަށް ލިބިގެންވާނަމަ؛ ނުވަތަ
  2. އެ ފަރާތެއް އަންގާ ގޮތެއްގެމަތިން ނުވަތަ އެ ފަރާތެއްގެ ބަދަލުގައި އެހެން ފަރާތެއްގެ ބޭނުންކުރަން ޖެހިދާނެކަމަށްވާނަމަ، އެ ފަރާތަކަށް އެ ހައްގުތަކާ ބާރުތައް ނިސްބަތްވާނެއެވެ.

(ބ) ހަމައެހެންމެ، މި މާއްދާގެ ބޭނުމަށްޓަކައި؛

  1. އެ ފަރާތެއްގެ ނުވަތަ އެ ފަރާތާއެކު، އެ ފަރާތަކާ ގުޅުންހުރި އެއްވެސް ފަރާތްތަކެއްގެ ކޮންޓްރޯލް ދަށުގައިވާ އެއްވެސް ކުންފުންޏެއްގެ ހުރިހާ ހައްގަކާއި ބާރުތަކެއް؛ ނުވަތަ
  2. އެފަދަ ދެ ކުންފުނި ނުވަތަ އެއަށްވުރެ ގިނަ ކުންފުނިތަކެއްގެ ހުރިހާ ހައްގަކާއި ބާރުތަކެއް؛ ނުވަތަ
  3. އެފަރާތަކާ ގުޅުންހުރި އެއްވެސް ފަރާތެއް ނުވަތަ އެފަދަ ގުޅުންހުރި ދެ ފަރާތެއް ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކެއްގެ ހުރިހާ ހައްގަކާއި ބާރުތަކެއް (މި މާއްދާގެ (ރ) ގެ ދަށުން ކުންފުންޏަކަށް ނުވަތަ ގުޅުންހުރި ފަރާތަކަށް ނިސްބަތްކޮށްފައިވާ ހުރިހާ ހައްގަކާއި ބާރެއް ހިމެނޭގޮތަށް) އެ މީހަކަށް ނިސްބަތްވާނެއެވެ. އެހެންނަމަވެސް، މި މާއްދާގެ ދަށުން ގުޅުންހުރި ފަރާތަކަށް ނިސްބަތްކުރެވިފައިވާ ހައްގުތަކާއި ބާރުތަކެއް ނުހިމެނެއެވެ.

(ޅ) މި މާއްދާގެ ބޭނުމަށްޓަކައި، އެއްވެސް ކުންފުންޏަކަށް ނިސްބަތްކުރާއިރު، ބައިވެރިއެއް ކަމަށް ބުނަނީ އެ ކުންފުނީގެ ރައުސްމާލުގެ ނުވަތަ އާމްދަނީގެ ހިއްސާއެއް ނުވަތަ މަސްލަހަތެއް ލިބިގެންވާ މީހެކެވެ.

(ކ) މި މާއްދާގެ ބޭނުމަށްޓަކައި، އެއްވެސް ފަރާތަކަށް ނިސްބަތްކުރާއިރު، "ގުޅުންހުރި ފަރާތް" ކަމަށް ބުނެފައި އެވަނީ؛

  1. އެ ފަރާތެއްގެ އެއްވެސް ތިމާގެ މީހެއް؛
  2. އެ ފަރާތަކާއެކު ޕާޓްނަރށިޕްއެއްގައި ހިމެނޭ ފަރާތެއް؛
  3. އެ ފަރާތަކީ، އެ ކުންފުނީގެ އެއްވެސް ހިއްސާއެއް ނުވަތަ ޒިންމާއެއްގައި އެއްވެސް މަސްލަހަތެއް ލިބިފައިވާ މީހެއްނަމަ، އެ ހިއްސާތަކާ މަސްއޫލިއްޔަތުގައި މަސްލަހަތެއް ލިބިފައިވާ އެހެން އެއްވެސް ފަރާތެއް، މިއެވެ.

(އ) މި މާއްދާގެ (ކ) ގެ ބޭނުމަށްޓަކައި، އެއްވެސް މީހެއްގެ ތިމާގެ މީހަކަށް އަނެކަކު ވަނީ، އޭނާއަކީ:

  1. އެ މީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާ؛ ނުވަތަ
  2. މާމަ، ކާފަ، މަންމަ، ބައްޕަ، ދަރިއެއް، އެއްބަނޑު އެއްބަފާ މީހެއް، އެއްބަނޑު މީހެއް، ނުވަތަ އެއްބަފާ މީހެއް؛
  3. މި މާއްދާގެ (2) ވަނަ ނަންބަރުގައި ހިމެނޭ އެއްވެސް މީހެއްގެ އަންބެއް ނުވަތަ ފިރިއެކެވެ. އަދި "ދަރި" ގެ މާނައިގައި ދޮންދަރިންވެސް ހިމެނެއެވެ.

(ވ) މި މާއްދާގެ (ފ) އާ ހިލާފުނުވާ ގޮތުގެމަތިން، މި ގާނޫނުގެ ބޭނުމަށްޓަކައި ކުންފުންޏަކާގުޅޭ ގޮތުން "ލޯނުދޫކުރި ފަރާތް" ކަމަށް ބުނެފައި އެވަނީ، ތިރީގައި ބަޔާންކޮށްފައިވާ ފަދަ ދަރަނި ލިބެންޖެހޭ ފަރާތްތަކެވެ.

  1. ތިރީގައިވާ ގޮތުންކުރެ ގޮތަކަށް ކުންފުނިން ދައްކަންޖެހިފައިވާ ދަރަނި.

    ކުންފުނިން ދަރަންޏަށް ނަގާއިފައިވާ ފައިސާ ނުވަތަ ކެޕިޓަލްގެ ގޮތުގައި ކުންފުނިން ހޯދާއިފައިވާ މިލްކިއްޔާތު.
    ކުންފުނީގެ ނަމުގައި ލިބޭ އާމްދަނީ ލިބިގަތުމުގެ ހައްގު ހޯދުމުގެ ގޮތުން.
    ދަރަނީގެ (އޭގެ ޕްރީމިއަމް ހިމެނޭގޮތަށް) މިންވަރަށްވުރެ މާބޮޑުތަން ދަށް އަދަދެއް މުގާބިލެއްގެ ގޮތުގައި ކުންފުނިން ދައްކަންޖެހޭ އެއްޗެއް.

  2. އަނބުރާ އަތުލެވޭގޮތަށް ކުންފުނިން ދޫކޮށްފައިވާ ލޯނު ފައިސާ.

(މ) މި މާއްދާގެ (ފ) އާ ހިލާފުނުވާ ގޮތުގެމަތިން، މި މާއްދާގެ (ވ) ގައި ހިމެނޭ ދަރަންޏެއް ނުވަތަ ލޯނު ފައިސާއެއް ލިބެންޖެހޭ ދަރަނިވެރިޔަކަށް ނުވިނަމަވެސް، އޭގެ މަންފާ ލިބިގަތުމުގެ ހައްގު އެމީހަކަށް ލިބިގެންވާނަމަ އެ ހައްގަކަށް ނިސްބަތްވާ މިންވަރުން އެމީހަކީ، މި މާއްދާގެ ބޭނުމަށްޓަކައި އެ ދަރަންޏެއްގެ ނުވަތަ ލޯނު ފައިސާގެ ލޯނު ދޫކުރި މީހާކަމުގައި ބެލެވޭނެއެވެ.

(ފ) އެމީހަކީ ބޭންކު ވިޔަފާރި ކުރާ މީހެއްނަމަ، އެމީހެއްގެ ވިޔަފާރި ހިންގުމުގެ ތެރޭގައި ކުންފުންޏަކަށް ދޫކުރާ ލޯނަކާ ގުޅިގެން އެ ކުންފުނިން އެ މީހަކަށް ދައްކަންޖެހޭ ދަރަންޏެއް ނުވަތަ ލޯނު ފައިސާއެއްގެ ސަބަބުން އެއީ، ލޯނު ދޫކުރި މީހާ ކަމުގައި ނުބެލެވޭނެއެވެ.

 

46 ވަނަ މާއްދާ - ވަޒަންވެރިވުން

(ހ) މި ގާނޫނުގައި، އެއްވެސް ޓެކްސް އަހަރެއްގައި މީހަކު ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ކަމަށް ބުނެފައި ވަނީ، ވަކި ފަރުދަކަށް ނިސްބަތްކޮށް ބަލާއިރު؛

  1. އެ އަހަރެއްގައި 183 (ސަތޭކަ އަށްޑިހަތިނެއް) ދުވަހަށް، ނުވަތަ އެއަށްވުރެ ގިނަ ދުވަހަށް ދިވެހިރާއްޖޭގައި ހުރެފައިވާ މީހަކަށް؛
  2. ދިވެހިރާއްޖޭގައި ދިރިއުޅެން ގަސްތުކޮށްގެން އެ އަހަރު ދިވެހިރާއްޖެއަށް އައިސްފައިވާ މީހަކަށް؛ ނުވަތަ
  3. އެ އަހަރު އާންމުކޮށް ދިވެހިރާއްޖޭގައި ދިރިއުޅެމުން ގެންދިޔަ، އެކަމަކު އެ އަހަރު ނިމުމުގެ ކުރިން ފުރައިގެން ދިޔަ މީހަކަށެވެ.

(ށ) މި ގާނޫނުގައި ދިވެހިރާއްޖޭގައި އާންމު ގޮތެއްގައި ވަޒަންވެރިވެފައިވާ މީހަކަށް ނިސްބަތްކުރާ ކުރުމަކީ އެމް.އައި.އާރް.އޭ އިން ދެކޭ ގޮތުގައި ވަގުތީ ގޮތުން ރާއްޖެއިން ބޭރަށް ދިއުން ފިޔަވާ އާދައިގެމަތިން ދިވެހިރާއްޖޭގައި ދިރިއުޅޭ މީހަކަށް ނިސްބަތްކުރާ ކުރުމެކެވެ.

(ނ) ޕާޓްނަރށިޕްއެއް ނުވަތަ ޓްރަސްޓްއެއް ނުވަތަ އެހެން ޖަމްއިއްޔާއެއްވެސް ދިވެހިރާއްޖޭގައި އެއްވެސް ވިޔަފާރިއެއް ހިންގާނަމަ، މި ގާނޫނުގެ މަގްސަދަށްޓަކައި ބެލެވޭނީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާކަމަށެވެ.

(ރ) މި ގާނޫނުގެ 16 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން، ދިވެހިރާއްޖޭގައި ހިންގަމުންގެންދާ ކުންފުންޏެއް ބެލެވޭނީ، މި ގާނޫނުގެ މަގްސަދަށްޓަކައި ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާކަމަށެވެ.

(ބ) ދިވެހިރާއްޖެއިން ބޭރުގައި އުފައްދާފައިވާ ކުންފުންޏެއްނަމަ، އެ ކުންފުނި ވަޒަންވެރިވެފައިވާ ތަނަކީ ކޮބައިކަން ނިންމާނީ އެ ކުންފުނި ހިންގުމުގެ މައިގަނޑު މަސައްކަތާއި ކޮންޓްރޯލް ހިނގަމުންދާ ތަނަކަށް ރިއާޔަތްކޮށްފައެވެ. އެ ތަނަކީ، ކޮންތަނެއްކަން ޔަގީންކުރެވެން ނެތްނަމަ، އެ ކުންފުނި ވަޒަންވެރިވެފައިވާ ތަންކަމަށް ބަލާނީ، އެ ކުންފުންޏެއް އުފެއްދި ނުވަތަ ރަޖިސްޓަރީކުރެވުނު ތަނެވެ.

(ޅ) މި ގާނޫނުގެ މަގްސަދަށްޓަކައި، އެކުންފުނި؛

  1. އެއްވެސް ވިޔަފާރިއެއް ނުހިންގާނަމަ؛ ނުވަތަ
  2. ދިވެހިރާއްޖެއިން ބޭރުގައި އުވާލެވެމުންދާނަމަ އެ ވިޔަފާރިކުރުން ހުއްޓާލުމުގެ ހިނދުކޮޅެއް ކުރިންވެސް، ނުވަތަ އެ ކުންފުނީގެ ކަންތައްތަކުގެ ތެރެއިން އެއްވެސް ބައެއް، ދިވެހިރާއްޖޭގައިނަމަ، ކުންފުނި އުވާލުމަށް ހަވާލުވާ މީހާ ކުރާނެކަހަލަ މަސައްކަތެއްކުރާ މީހެއްގެ ބެލުމުގެ ދަށަށް ދިއުމުގެ ކުރިން، ބެލެވިފައިވަނީ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ކުންފުންޏެއްގެ ގޮތުގައިކަމަށް ވަނީނަމަ، ބަލާނީ ދިވެހިރާއްޖޭގައި އަދިވެސް ވަޒަންވެރިވެފައިވާކަމަށެވެ.

 

47 ވަނަ މާއްދާ - ސުންގަޑި ބަލާއިރު ގުނަން ނުޖެހޭ ދުވަސްތައް

(ހ) މި ގާނޫނުގެ އެއްވެސް މާއްދާއަކުން އެއްވެސްކަމެއް ވަކި މުއްދަތެއްގެ ތެރޭގައި ކުރުމަށް ލާޒިމުކުރާނަމަ (އަދި ކޮންމެ އިބާރާތަކުން މިކަން ށަރުތުކޮށްފައިވީ ނަމަވެސް) އެ މުއްދަތެއްގެ އެންމެފަހު ދުވަސް ކަނޑައެޅުމުގައި، އެ މުއްދަތުގެ އެންމެފަހު ރަސްމީ ދުވަހުގެ ފަހުން އަންނަ ދުވަހެއް ނުވަތަ ދުވަސްތަކެއް (ހުރިނަމަ) އެ ދުވަސްތައް ގުނައިގެން ނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ރަސްމީ ދުވަހަކީ، ސަރުކާރު އޮފީސްތައް ހުޅުވާފައި ހުންނަ ކޮންމެ ދުވަހެކެވެ.

48 ވަނަ މާއްދާ - އިންޓްރެސްޓް ދެއްކުން

މި ގާނޫނުގެ ދަށުން ނެގޭ އިންޓްރެސްޓްއަކީ ދުވަހުން ދުވަހަށް އަރަމުންދާ، އިތުރު އެންގުމަކާނުލައި ދައްކަންޖެހޭ އަދި ބިނާކުރެވިފައިވާ ނުދައްކާހުރި ޓެކްސްގެ ގޮތުގައި ހޯދޭނެ އެއްޗެކެވެ.

 

49 ވަނަ މާއްދާ - ގާނޫނު ތަންފީޒު ކުރުން

މި ގާނޫނު ކަނޑައެޅިގެން އެހެން ގޮތަކަށް ބުނެފައިނުވާނަމަ، މި ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި، މި ގާނޫނުގައިވާ ކަންކަން ހިންގާ ބަލަހައްޓާނީ އެމް.އައި.އާރް.އޭ އިންނެވެ.

  

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2011-35) 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު