-

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު (ގާނޫނު ނަންބަރު 2010-03) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2011-14) 

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 11 ވަނަ މާއްދާގެ އަރިމަތީ ސުރުހީ، "މީރާގެ ބަޖެޓާއި އަހަރީ ރިޕޯޓު" އަށް ބަދަލުކޮށް، މިހާރު އޮތް މާއްދާއަކީ އެ މާއްދާގެ (ހ) ކަމުގައި ހަމަޖައްސައި، އޭގެ ފަހަތަށް އަންނަނިވި އަކުރުތައް އިތުރުކުރުން.
11. މީރާގެ ބަޖެޓާއި އަހަރީ ރިޕޯޓު

(ށ) މީރާގެ އާމްދަނީއާއި، ހަރަދާއި، މިލްކިއްޔާތާއި، މާލީ ޒިންމާތަކާބެހޭ ހިސާބު، އޮޑިޓަރ ޖެނެރަލް ކަނޑައަޅާ މިންގަނޑަކާ އެއްގޮތަށް ތައްޔާރުކޮށް އޮޑިޓްކުރުމަށްފަހު، އަންނަނިވި މައުލޫމާތުތައް ހިމެނޭގޮތަށް ތައްޔާރުކުރެވިފައިވާ އަހަރީ ރިޕޯޓު، ކޮންމެ އަހަރެއްގެ މެއި މަހުގެ 31 ވަނަ ދުވަހުގެ ކުރިން ރައްޔިތުންގެ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވަންވާނެއެވެ.

  1. ޓެކްސްގެ ގޮތުގައި އެހެނިހެން އާމްދަނީގެ ގޮތްގޮތުން އެ އަހަރެއްގެ ތެރޭގައި މީރާއަށް ބަލައިގަތް ފައިސާގެ އަދަދު؛
  2. މރާގެ މަގްސަދުތައް ހާސިލްކުރުމުގެ ގޮތުން އެ އަހަރެއްގެ ތެރޭގައި ކުރެވުނު މަސައްކަތްތަކާއި އޭގެ ނަތީޖާ؛
  3. މީރާ ހިންގުމުގެ ދާއިރާއާއި މުވައްޒަފުންނާ ގުޅޭގޮތުން އިދާރީ ގޮތުން އެ އަހަރެއްގެ ތެރޭގައި ހިނގި ކަންކަމުގެ ތަފްސީލު.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރިޕޯޓު ރައްޔިތުންގެ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި، މީރާއިން އެ ރިޕޯޓު އާންމުކޮށް ށާއިއުކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގައި އެހެން އޮތްނަމަވެސް، ދިމާވާ ހާއްސަ ހާލަތެއްގައި، ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަންއަށް ފެނިއްޖެ ހިނދެއްގައި، އެ ހާލަތަކާގުޅޭ ހާއްސަ ރިޕޯޓެއް ރައްޔިތުންގެ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުގެ އިހްތިޔާރު ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަންއަށް ލިބިގެންވެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 15 ވަނަ މާއްދާއަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

 15. (ކ) މި މާއްދާގެ ބޭނުމަށްޓަކައި، މީރާގެ މުވައްޒަފުންގެ ތެރޭގައި މީރާއިން ވަޒީފާދޭ މީހުންގެ އިތުރުން، ވަކި މުއްދަތަކަށް، ވަކިކަމެއް ކުރުމަށް މީރާއިން އައްޔަންކުރާ ފަރާތްތައް ހިމެނެއެވެ.
 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 38 ވަނަ މާއްދާ އެއީ އެ ގާނޫނުގެ 16 ވަނަ މާއްދާ ކަމުގައި ހަމަޖައްސައި، އެ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި އަކުރުތައް އިތުރުކޮށް، ދެންހުރި މާއްދާތައް ތަރުތީބުކުރުން.

 
16. (ނ) ޓެކްސް ގާނޫނެއްގެ ދަށުން ދައްކަންޖެހޭ ޓެކްސްއެއް ނުވަތަ ޖޫރިމަނާއެއް ނުދައްކާ ފަރާތެއްގެ މައުލޫމާތު ހާމަކުރުމަކީ މި ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ސިއްރު ކުރުމާ ހިލާފުވާ ކަމެއް ނޫނެވެ. 
(ރ) މީރާގެ ސިޔާސަތުތައް ހާމަކޮށް އަދި މީރާގެ ނިންމުންތަކާ ގުޅޭގޮތުން މީޑިއާ ނުވަތަ އެހެންވެސް ފަރާތަކަށް މީރާގެ ފަރާތުން މައުލޫމާތު ހާމަކުރާނީ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން ނުވަތަ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން ކަނޑައަޅާ މީހެކެވެ.


4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 21 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

21. (ށ) ޓެކްސް ދައްކާ ފަރާތަކަށް، ޓެކްސްއާބެހޭ ގާނޫނަށް އަމަލުކުރުމުގައި އެފަރާތެއް ތަމްސީލުކުރުމަށްޓަކައި، އެއްވެސް ޓެކްސްއެއް ނުވަތަ އިންޓްރެސްޓްއެއް ދެއްކުން ނުވަތަ ގާނޫނާ ހިލާފުވެގެން ދެވޭ އެއްވެސް އަދަބަކާއި ހަވާލުވުން ފިޔަވައި ކޮންމެ ކަމަކަށްވެސް އެހެން ފަރާތެއް އައްޔަންކުރެވިދާނެއެވެ.


5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 23 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާ އިތުރުކޮށް، ދެން ހުރި މާއްދާތައް ތަރުތީބުކުރުން.

24. ޓެކްސް އެޖެންޓް

(ހ) ޓެކްސް ގާނޫނެއްގެ ދަށުން ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުމަށް ޓެކްސް އޭޖެންޓުންނަށް ހުއްދަ ދިނުމަކީ މީރާގެ މަސްއޫލިއްޔަތެކެވެ. އަދި މިގޮތުން ހުއްދަ ދެވިފައިވާ ޓެކްސް އޭޖެންޓުންގެ މައުލޫމާތު ހިމެނޭ ދަފްތަރެއް މީރާއިން ތައްޔާރުކޮށް ބަލަހައްޓައި، އާންމުކުރަންވާނެއެވެ.
  
(ށ) ޓެކްސް ދައްކަންޖެހޭ ފަރާތަކުން ތައްޔާރުކޮށް މީރާއަށް ހުށަހަޅަންޖެހޭ ޓެކްސް ބަޔާނާއި މާލީ ހިސާބުތައް، އެފަރާތުގެ ބަދަލުގައި ތައްޔާރުކުރެވޭނީ މި މާއްދާގެ (ހ) ގެ ދަށުން ހުއްދަ ދެވިފައިވާ ޓެކްސް އޭޖެންޓުންނަށެވެ.
 
 (ނ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން ޓެކްސް އޭޖެންޓުކަންކުރުމުގެ ހުއްދަ ދެވޭނީ އަމިއްލަ ފަރުދަކަށެވެ.
 
 (ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ޓެކްސް އޭޖެންޓުކަންކުރުމުގެ ހުއްދަދީ އަދި ބާތިލުކުރާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
 
 (ބ) މި މާއްދާގެ (ހ) ގެ ދަށުން ހުއްދަ ދެވިފައިވާ ޓެކްސް އޭޖެންޓެއް އައްޔަންކުރި ކަމުގައިވީނަމަވެސް، ޓެކްސް ގާނޫނެއްގެ ދަށުން ދައްކަންޖެހޭ ޓެކްސް ދެއްކުމާއި އަދި ޓެކްސް ގާނޫނެއްގައި ބަޔާންކުރެވިފައިވާ އެހެނިހެން އިލްތިޒާމްތައް ފުރިހަމަކުރުމަކީ ޓެކްސް ދައްކަންޖެހޭ ފަރާތުގެ ޒިންމާއެކެވެ.
 
 (ޅ) ހުއްދަ ދެވިފައިވާ ޓެކްސް އޭޖެންޓެއް އެއްވެސް ޓެކްސް ގާނޫނެއްގެ މާއްދާއަކަށް ނުވަތަ  އެ ގާނޫނެއްގެ ދަށުން ހަދާ ގަވާއިދަކާ ހިލާފުވެއްޖެނަމަ، އެފަރާތުން އެކުރީ ކުށެކެވެ.
 
 (ކ) ޓެކްސް އޭޖެންޓުންގެ މަސައްކަތުގެ އިހްތިސާސް ކަނޑައަޅާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުންނެވެ.


6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގައި މިހާރު އޮތް ދެވަނަ ބާބު އެއީ ތިންވަނަ ބާބު ކަމުގައި ހަމަޖައްސައި، އަންނަނިވި ގޮތުގެމަތިން ދެވަނަ ބާބެއް އިތުރުކުރުން.

 

ދެވަނަ ބާބު

އިލްތިޒާމްތައް

24. ޓެކްސް ދައްކާ ފަރާތުގެ ޒިންމާތައް

ޓެކްސް ގާނޫނެއްގެ ދަށުން ޓެކްސް ދައްކަންޖެހޭ ކޮންމެ ފަރާތަކުން އެ ޓެކްސް ގާނޫނެއްގެ ދަށުން ޓެކްސް ދެއްކުމުގައި އަންނަނިވި ކަންކަން ކުރުމަކީ އެފަރާތުގެ ޒިންމާއެކެވެ.
 
(ހ) މީރާއަށް ދައްކަންޖެހޭ ޓެކްސްގެ އަދަދު ފުރިހަމައަށް ހިސާބުކުރުން؛
 
(ށ) ޓެކްސް ދައްކަންޖެހޭ ގާނޫނުގެ ދަށުން އެއްވެސް އަދަދެއް އުނިކުރަންޖެހޭނަމަ، އެ އަދަދެއް އުނިކުރުން؛
 
(ނ) ޓެކްސް ދައްކަންޖެހޭ ގާނޫނުގެ ދަށުން ވިތްހޯލްޑިންގ ޓެކްސްއެއް ދައްކަންޖެހޭނަމަ،
އެ ޓެކްސްއަށްވާ އަދަދު އުނިކުރަންޖެހޭ ފައިސާއިން އުނިކުރުމާއި، އެގޮތުން އުނިކުރެވޭ ފައިސާ މީރާއަށް ދެއްކުން؛
 
(ރ) ޓެކްސް ދެއްކުމަށް ކަނޑައަޅާފައިވާ މުއްދަތުގައި ޓެކްސް ދެއްކުން؛
 
(ބ) ޓެކްސް ދައްކާ ފަރާތާބެހޭ އެންމެހައި މައުލޫމާތުތަކާއި، ލިޔެކިޔުންތަކާއި، މާލީ ހިސާބުތައް ބަލަހައްޓަންޖެހޭ އުސޫލުން ބެލެހެއްޓުން؛
 
(ޅ) ޓެކްސް ދައްކާ ފަރާތުން މީރާއަށް ހުށަހަޅާ ޓެކްސް ބަޔާންތަކާއި ލިޔެކިޔުންތަކާއި އަދި އެނޫންވެސް މައުލޫމާތުތަކުގެ ސައްހަކަން ޔަގީންކުރުމަށްޓަކައި މީރާއިން ކުރާ އޮޑިޓްތަކުގައާއި، ތަހުގީގުތަކުގައާއި، ޓެކްސް ދައްކާ ފަރާތުން ދައްކަންޖެހޭ ޓެކްސްގެ އަދަދު މީރާއިން ކަނޑައަޅަންޖެހޭ ހާލަތްތަކުގައި، ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަންއަށާއި، ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން ކަނޑައަޅާ މީހަކަށް ނުވަތަ ބަޔަކަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ފުރިހަމަ އެއްބާރުލުން ދިނުން.

 

25. ރެކޯޑް ބެލެހެއްޓުން

(ހ) ޓެކްސް ގާނޫނެއްގައި، އެ ގާނޫނުގެ ދަށުން ޓެކްސް ދެއްކުން ލާޒިމްކުރާ ފަރާތަކުން ބަލަހައްޓަންޖެހޭ ލިޔެކިޔުންތަކާއި މާލީ ހިސާބުތަކާ ގުޅޭގޮތުން ބަޔާންވެގެންވާ އިލްތިޒާމްތަކުގެ އިތުރުން، އެފަރާތުގެ ޓެކްސް ނެގޭ މުއްދަތެއްގެ ނުވަތަ މުއްދަތުތަކެއްގެ އަންނަނިވި ކަންކަމާ ގުޅޭ މައުލޫމާތު ހޯދައި ބެލުމަށް މީރާއިން ބޭނުންވެއްޖެނަމަ، އެކަމަށް ފުދޭނެ ލިޔެކިޔުންތަކާއި މާލީ ހިސާބުތައް ބެލެހެއްޓުން އެފަރާތުގެ މައްޗަށް ލާޒިމްވެގެންވެއެވެ.

  1. ޓެކްސް ދައްކާ ފަރާތުގެ ޓެކްސް ނެގޭ މުއްދަތެއްގެ، ޓެކްސް ނެގޭ ފައިދާގެ ނުވަތަ އާމްދަނީގެ ޖުމްލަ އަދަދު؛
  2. ޓެކްސް ދައްކާ ފަރާތުގެ ޓެކްސް ނެގޭ ފައިދާ ނުވަތަ އާމްދަނީ ހިސާބުކުރުމުގައި އުނިކޮށްފައިވާ ހަރަދުތައް؛
  3. މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އިތުރު މައުލޫމާތު.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި ޓެކްސް ދައްކާ ފަރާތުން ބަލަހައްޓަންޖެހޭ ލިޔެކިޔުންތަކާއި މާލީ ހިސާބުތައް، އެފަރާތުން ޓެކްސް ދެއްކުމަށް ލާޒިމްކުރާ ގާނޫނުގައި ނުވަތަ އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ލިޔެކިޔުންތަކާއި މާލީ ހިސާބުތައް ބެލެހެއްޓުމަށް ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެމަތިން ބަލަހައްޓަންވާނެއެވެ.

(ނ) ޓެކްސް ގާނޫނެއްގެ ދަށުން ބަލަހައްޓަންޖެހޭ ލިޔެކިޔުންތައް، އެ ލިޔުންތައް ނިސްބަތްވާ ޓެކްސް އަހަރު ނިމޭތާ މަދުވެގެން 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ބަހައްޓަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި އެހެން އޮތްނަމަވެސް، ޓެކްސް ގާނޫނެއްގެ ދަށުން އެއްވެސް ފަރާތެއްގެ ހިސާބުތައް މީރާއިން އޮޑިޓްކޮށް އަދި ތަހުގީގުކޮށް ނިމިފައިވާނަމަ، އަދި އެހެން ގާނޫނެއްގެ ދަށުން އެ ހިސާބުތައް ބެލެހެއްޓުމަށް ލާޒިމްނުކުރާހާހިނދަކު، އޮޑިޓްކުރެވުނު ލިޔެކިޔުންތައް ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަންގެ ހުއްދައާއެކު ނައްތާލެވިދާނެއެވެ.

 

26. ވިތްހޯލްޑިންގ ޓެކްސް ދައްކާ ފަރާތަށް ލާޒިމް ކަންކަން

ވަކި ފަރާތަކީ އެއްވެސް ޓެކްސް ގާނޫނަކުން ވިތްހޯލްޑިންގ ޓެކްސް ދެއްކުން ލާޒިމްކުރާ ފަރާތެއްނަމަ، އަންނަނިވި ކަންކަން ކުރުން، އެފަރާތެއްގެ މައްޗަށް ލާޒިމްވެގެންވެއެވެ.
 
(ހ) ގާނޫނު ލާޒިމްކުރާ އަދި ހުއްދަކުރާ ހާލަތެއްގައި މެނުވީ، އެއްވެސް ފަރާތަކުން އުޖޫރަދޭ ފަރާތެއްގެ އުޖޫރައިން ނުވަތަ އެފަރާތުން ވަކި ފަރާތަކަށް އަދާކުރާ އަގަކުން ވިތްހޯލްޑިންގ ޓެކްސްގެ ގޮތުގައި އެއްވެސް އަދަދެއް އުނިނުކުރުން؛

(ށ) ވިތްހޯލްޑިންގ ޓެކްސް ދެއްކުމަށް ކަމާގުޅޭ ގާނޫނުން އެއްވެސް ފަރާތަކަށް ލާޒިމްކުރަނީ ކޮންމެ މަހަކު އެކަން ކުރަން ކަމުގައިވާނަމަ، ކޮންމެ މަހަކު އެފަރާތުން މީރާއަށް ދައްކަންޖެހޭ ވިތްހޯލްޑިންގ ޓެކްސްގެ ފައިސާ، އެ ގާނޫނުގައި ބަޔާންކުރާ މުއްދަތެއްގައި މީރާއަށް ދެއްކުން؛

(ނ) ވިތްހޯލްޑިންގ ޓެކްސް ދެއްކުމަށް ކަމާގުޅޭ ގާނޫނަކުން އެއްވެސް ފަރާތަކަށް ލާޒިމްކުރަނީ ކޮންމެ މަހަކު އެކަން ކުރަން ކަމުގައިވާނަމަ، ކޮންމެ މަހަކު އެފަރާތުން މީރާއަށް ދައްކަންޖެހޭ ވިތްހޯލްޑިންގ ޓެކްސްއާގުޅޭ ޓެކްސް ބަޔާން، ވިދިގެން އަންނަ މަހުގެ ވިތްހޯލްޑިންގ ޓެކްސްގެ ފައިސާ މީރާއަށް ދައްކާއިރު، އެ ފައިސާއާއެކު ހުށަހެޅުން؛

(ރ) ވިތްހޯލްޑިންގ ޓެކްސް ދެއްކުމަށް ކަމާގުޅޭ ގާނޫނަކުން އެއްވެސް ފަރާތަކަށް ލާޒިމްކުރަނީ ކޮންމެ މަހަކު ކަމުގައިނުވާނަމަ، އެފަރާތުން މީރާއަށް ވިތްހޯލްޑިންގ ޓެކްސް ދައްކަންޖެހޭ މުއްދަތުކަމަށް އެ ގާނޫނެއްގައި ބަޔާންކުރާ މުއްދަތުގައި، އެފަރާތުން ވިތްހޯލްޑިންގ ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދު މީރާއަށް ދެއްކުން؛

(ބ) ވިތްހޯލްޑިންގ ޓެކްސް ދެއްކުމަށް ކަމާގުޅޭ ގާނޫނަކުން އެއްވެސް ފަރާތަކަށް ލާޒިމްކުރަނީ ކޮންމެ މަހަކު ކަމުގައިނުވާނަމަ، އެފަރާތުން މީރާއަށް ވިތްހޯލްޑިންގ ޓެކްސް ދައްކަންޖެހޭ މުއްދަތުކަމަށް އެ ގާނޫނެއްގައި ބަޔާންކުރާ މުއްދަތުގައި، އެފަރާތުން ދައްކަންޖެހޭ ވިތްހޯލްޑިންގ ޓެކްސްއާގުޅޭ ޓެކްސް ބަޔާން، ވިދިގެން އަންނަ މަހުގެ ވިތްހޯލްޑިންގ ޓެކްސްގެ ފައިސާ މީރާއަށް ދައްކާއިރު، އެ ފައިސާއާއެކު ހުށަހެޅުން؛

(ޅ) ވިތްހޯލްޑިންގ ޓެކްސްގެ ގޮތުގައި އެއްވެސް ފައިސާއެއް މީރާއަށް ދައްކައިފިނަމަ، އެ ފައިސާއާ ގުޅޭގޮތުން ވިތްހޯލްޑިންގ ޓެކްސް ސެޓްފިކެޓެއް މީރާއިން ހޯދުމަށްފަހު،  އެ ސެޓްފިކެޓްގެ ކޮޕީއެއް، އެ ޓެކްސްގެ ފައިސާ އުނިކުރެވުނު އުޖޫރަ ނިސްބަތްވާ ފަރާތަށް ނުވަތަ އަގު އަދާކުރެވޭ ފަރާތަށް ދިނުން؛

(ކ) ވިތްހޯލްޑިންގ ޓެކްސް މީރާއަށް ދެއްކުމަށް ކަމާގުޅޭ ގާނޫނަކުން  އެއްވެސް ފަރާތަކަށް ލާޒިމްކުރަނީ މަހުން މަހަށް ކަމުގައިވީނަމަވެސް، ކޮންމެ މަހަކު އެފަރާތުން މީރާއަށް ހުށަހަޅަންޖެހޭ ޓެކްސް ބަޔާނުގެ އިތުރުން، ޓެކްސް އަހަރެއްގެ ތެރޭގައި އޭނާ ދައްކަންޖެހޭ ނުވަތަ ދައްކާފައިވާ އެންމެހައި ވިތްހޯލްޑިންގ ޓެކްސްއާގުޅޭ ޓެކްސް ބަޔާނެއް، ކަމާގުޅޭ ގާނޫނެއްގައި ބަޔާންކުރާ މުއްދަތުގައި، އެފަރާތުން މީރާއަށް ހުށަހެޅުން.

 

27. ވަޒީފާއެއް އަދާކުރާ މީހުން ޓެކްސް ބަޔާން ހުށަހެޅުން

(ހ) ވަކި މީހަކީ އޭނާ އަދާކުރާ ވަޒީފާއަކާ ގުޅިގެން އުޖޫރައެއް ލިބޭ މީހަކަށްވުމުގެ އިތުރުން، ޓެކްސް ނެގޭ އެހެން އާމްދަނީވެސް ލިބޭ މީހެއް ކަމުގައިވާނަމަ، ކަމާގުޅޭ ޓެކްސް ގާނޫނުގެ ދަށުން އޭނާގެ ޓެކްސް ނެގޭ މުއްދަތާ ގުޅޭގޮތުން ޓެކްސް ބަޔާން ހުށަހަޅާއިރު އެ ބަޔާނުގައި އޭނާއަށް އާމްދަނީ ލިބޭ ހުރިހާ ވަސީލަތްތަކަކުން ލިބުނު އާމްދަނީ ހިމަނަންވާނެއެވެ. އަދި އޭނާއަކީ، އޭނާއަށް ލިބޭ އުޖޫރައާ ގުޅޭގޮތުން ވިތްހޯލްޑިންގ ޓެކްސްއަށް ފައިސާ އުނިކުރެވިފައިވާ މީހަކަށްވާތީ، އެގޮތުން އުނިކުރެވިފައިވާ ފައިސާގެ ތަފްސީލުވެސް އޭނާގެ ޓެކްސް ބަޔާނުގައި ހިމަނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މީހަކު އޭނާގެ ޓެކްސް ބަޔާން ހުށަހެޅުމުން،
އެ ބަޔާނަށް ބިނާކޮށް، އޭނާ ދައްކަންޖެހޭ ޓެކްސްގެ އަދަދުން، ވިތްހޯލްޑިންގ ޓެކްސްގެ ގޮތުގައި ދައްކާފައިވާ ފައިސާ އުނިކުރެވިދާނެއެވެ.


7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގައި މިހާރުއޮތް ދެވަނަ ބާބު އެއީ ތިންވަނަ ބާބު ކަމުގައި ހަމަޖައްސައި، ބާބުގެ ނަން "އޮޑިޓްކުރުމާއި ތަހުގީގުކުރުމުގެ ބާރު" އަށް ބަދަލުކުރުން.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 24 ވަނަ މާއްދާގެ ކުރިޔަށް އަންނަނިވި މާއްދާ އިތުރުކުރުން.

23. އޮޑިޓް ކުރުން

(ހ) މި މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން، ޓެކްސް ދައްކާ ފަރާތަށް ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން އަންގާ އެންގުމަކުން، އެ އެންގުމުގައި ކަނޑައެޅި ބަޔާންކުރެވިފައިވާ ޓެކްސް އަހަރެއްގައި ނުވަތަ އަހަރުތަކެއްގައި، އެފަރާތަކުން ދައްކަންޖެހޭ ޓެކްސްގެ އަދަދު އެފަރާތުން ހިސާބުކޮށްފައިވަނީ ޓެކްސް ގާނޫނުތަކާ އެއްގޮތަށްކަން ޔަގީންކުރުމަށާއި ދައްކަންޖެހޭ ޓެކްސްގެ މިންވަރު ކަނޑައެޅުމަށް ބޭނުންވާ ހިސާބުތަކާއި ލިޔެކިޔުންތައް ބަލާކަން މީރާއިން އެފަރާތަށް އެންގިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެންގުމެއް މީރާއަށް އެންގޭނީ އަންނަނިވި ތާރީހްތަކުން ފެށިގެން 2 (ދޭއް) އަހަރު ދުވަސް ހަމަވުމުގެ ކުރިންނެވެ.

  1. ޓެކްސް ބަޔާން ހުށަހަޅާފައިވަނީ އެ ބަޔާން ހުށަހަޅަންޖެހޭ ދުވަހު ނުވަތަ އެއަށްވުރެ ކުރިންކަމަށްވާނަމަ، އެ ބަޔާން ހުށަހަޅަންޖެހޭ ތާރީހް؛
  2. ޓެކްސް ބަޔާން ހުށަހަޅާފައިވަނީ އެ ބަޔާން ހުށަހަޅަންޖެހޭ ދުވަހުގެ ފަހުންކަމަށްވާނަމަ، ނުވަތަ އިސްލާހުކުރެވިފައިވާ ޓެކްސް ބަޔާނެއް ހުށަހަޅާފައިވާނަމަ، އެ ބަޔާން ހުށަހެޅި ނުވަތަ އިސްލާހުކުރެވުނު ބަޔާން ހުށަހެޅި ތާރީހް؛

(ނ) ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ފަރާތަކުން ޓެކްސް ބަޔާނެއް ހުށަހަޅާފައިނުވާނަމަ، ކޮންމެ ވަގުތެއްގައިވެސް ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުމެއް އެފަރާތަކަށް ފޮނުވިދާނެއެވެ.

(ރ) މި މާއްދާގެ (ހ) ނުވަތަ (ނ) ގެ ދަށުން އެންގުމެއް ފޮނުވިއްޖެ ހާލަތެއްގައި، އެ އެންގުމުގައި ހަވާލާދީފައިވާ ކަންކަން ކުރުމަށް، ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން އަދި ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން އައްޔަންކުރާ ފަރާތްތަކަށް އެ އެންގުން ރައްދުވާ ފަރާތުން ފުރިހަމަ އެއްބާރުލުން ދޭންވާނެއެވެ.

(ބ) ޓެކްސް ދައްކާ ފަރާތުން މީރާއަށް ހުށަހަޅާ ޓެކްސް ބަޔާންތަކާއި ލިޔެކިޔުންތަކާއި އަދި އެނޫންވެސް މައުލޫމާތުތަކުގެ ސައްހަކަން ޔަގީންކުރުމަށާއި، ޓެކްސް ދައްކާ ފަރާތުން ދައްކަންޖެހޭ ޓެކްސްގެ އަދަދު މީރާއިން ކަނޑައަޅަންޖެހޭ ހާލަތްތަކުގައި އެ އަދަދު ކަނޑައެޅުމަށްޓަކައި، ޓެކްސް ދައްކާ ފަރާތުގެ އިދާރީ އޮފީހަށާއި ވިޔަފާރި ހިންގާ ތަންތަނަށް ވަދެ އޮޑިޓްކުރުމުގެ ބާރު ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަންއަށާއި ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން އައްޔަންކުރާ ފަރާތްތަކަށް ލިބިގެންވެއެވެ.


9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 24 ވަނަ މާއްދާގެ (ނ)، (ރ)، (ބ) އަދި (ޅ) ގެ ގޮތުގައި އަންނަނިވި އަކުރުތައް އިތުރުކޮށް ދެންހުރި އަކުރުތައް ތަރުތީބުކުރުން.

 
24. (ނ) މި މާއްދާގެ (ހ) ގެ ދަށުން ހިންގާ އެއްވެސް ތަހުގީގެއް ހިންގޭނީ، އެ ތަހުގީގުކުރަން ދިމާވި ސަބަބު މެދުވެރިވި ޓެކްސް ނެގޭ މުއްދަތުގެ ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ތާރީހުން ފެށިގެން އެ ތަހުގީގު ފެށުމާ ދެމެދު 2 (ދޭއް) އަހަރުގެ މުއްދަތެއް ފާއިތުނުވާނެ ގޮތުގެމަތިންނެވެ.

(ރ) މި މާއްދާގައި ބަޔާންވެގެންވާ ތަހުގީގު ހިންގުމުގައި އަމަލުކުރާނެ އިދާރީ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި، މީރާއިން ކަނޑައަޅަންވާނެއެވެ.

(ބ) މި ބާބުގެ ދަށުން ތަހުގީގުކުރުމަށް ކަނޑައަޅައިފިކަމަށް ޓެކްސް ދައްކާ ފަރާތަށް އަންގާ ދުވަހާއި މި ބާބުގެ ދަށުން އަދަދެއް ކަނޑައަޅައިފިކަން އަންގާ ދުވަހާ ދެމެދު، 2 (ދޭއް) އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއް ފާއިތުވެގެންނުވާނެއެވެ.

(ޅ) މި މާއްދާގެ (ނ) ގައި އެހެން އޮތްނަމަވެސް، ޓެކްސް ދެއްކުމުގައި މަކަރާއި ހީލަތް ހެދުން ނުވަތަ ގަސްދުގައި ޓެކްސް ދެއްކުމުން އެއްކިބާވުން އެކުލެވޭ ކުށެއްނަމަ، އެ ކުށްކުރިކަމަށް ތުހުމަތުކުރެވޭ ތާރީހުން ފެށިގެން 3 (ތިނެއް) އަހަރު ދުވަހުގެ ތެރޭގައި ތަހުގީގެއް ފެއްޓިދާނެއެވެ.


10 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 27 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކޮށް، އެ އަކުރުގެ ފަހަތަށް އަންނަނިވި ދެ އަކުރު އިތުރުކުރުން.

 
27.
(ނ) ލިޔެކިޔުންތަކުގެ އަސްލުގެ ބަދަލުގައި ކޮޕީ ހުށަހެޅިދާނެއެވެ. އެހެންނަމަވެސް އެފަދައިން ހުށަހަޅާ ކޮޕީ ވާންވާނީ، އެ ލިޔުމެއްގެ އަސްލުގެ ފޮޓޯކޮޕީއަކަށް ނުވަތަ އިލެކްޓްރޯނިކް ވަސީލަތަކުން ނަކަލުކޮށްފައިވާ ކޮޕީއަކަށެވެ.

(ރ) މި މާއްދާގެ (ނ) ގެ ބޭނުމަށްޓަކައި "އިލެކްޓްރޯނިކް ވަސީލަތަކުން ނަކަލުކުރުން" ކަމަށް ބުނެފައިއެވަނީ، ކޮމްޕިއުޓަރެއް ނުވަތަ އެނޫންވެސް އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް ލިޔުމެއް ޕޯޓަބަލް ޑޮކިއުމަންޓް ފޯމެޓް (ޕީ.ޑީ.އެފް) އަށް ބަދަލުކުރުމަށެވެ. ނުވަތަ ކޮމްޕިއުޓަރެއް ނުވަތަ އެނޫންވެސް އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް އެނޫންވެސް ފޯމެޓެއްގައި،
އެ ލިޔުމެއް ނަކަލުކުރުމަށެވެ.

(ބ) މި މާއްދާގެ (ނ) އެހެން އޮތްނަމަވެސް، އެ އެންގުމުގައި ބަޔާންކޮށްފައިވާ އެއްވެސް ލިޔުމެއްގެ އަސްލު މީރާއިން ތަހުގީގުކުރުމަށް ބޭނުންވެއްޖެނަމަ، އެ އެންގުމުގައި ބަޔާންކޮށްފައިވާ މުއްދަތެއްގެ ތެރޭގައި އެ ލިޔުމެއްގެ އަސްލު މީރާއަށް ހުށަހަޅަންވާނެއެވެ.


11 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 27 ވަނަ މާއްދާގެ (ކ) އަށް އަންނަނިވި އިބާރާތް އިތުރުކުރުން.

 
27. (ކ) "ޓެކްސް އޭޖެންޓް" އަކީ ޓެކްސް ދައްކާ ފަރާތަކުން ޓެކްސް ގާނޫނެއްގެ ދަށުން މީރާއަށް ހުށަހަޅަންޖެހޭ ޓެކްސް ބަޔާންތަކާއި އެހެނިހެން ލިޔެކިޔުންތައް އެފަރާތުގެ ބަދަލުގައި ތައްޔާރުކޮށް މީރާއަށް ހުށަހެޅުމަށް މި ގާނޫނުގެ ދަށުން ހުއްދަދެވޭ ފަރާތެކެވެ.


12 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 29 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ) ގެ ގޮތުގައި އަންނަނިވި އަކުރުތައް އިތުރުކުރުން.

29. ލިޔެކިޔުންތައް ހޯދުމަށް ތަންތަނަށް ވަނުމުގެ ބާރު

(ހ) ޓެކްސްއާ ގުޅިގެން ބޮޑު އޮޅުވާލުމެއް އެކުލެވޭ ކުށެއް ކުރަމުންދާކަމަށް ށައްކުކުރެވޭނަމަ ނުވަތަ އެފަދަ ކުށެއް ކޮށްފާނެކަމަށް ށައްކުކުރެވޭނަމަ، އަދި އެފަދަ ކުށެއް ކުރަމުންދާކަމުގެ ހެކި ހުރިނަމަ، އަދި ޓެކްސްއާގުޅޭ މައުލޫމާތުގައި ބަޔާންކޮށްފައިވާ ތަންތަނުން ހެކި ފެންނާނެކަމަށް މީރާއަށް ގަބޫލުކުރެވޭނަމަ، އެ ކުށް ކުރަމުންދާ ތަނަކަށް ވަނުމުގެ އަމުރެއް ނެރެދިނުމަށް އެދި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް ނުވަތަ އެވަގުތަކު ރައީސްގެ މަސްއޫލިއްޔަތު އަދާކުރަމުންދާ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރެއްގެ ކިބައިން މީރާއަށް އެދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މީރާއިން އަމުރެއް ނެރެދިނުމަށް އެދުމުން، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް ނުވަތަ އެވަގުތަކު ރައީސްގެ މަސްއޫލިއްޔަތު އަދާކުރަމުންދާ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރު އެ އަމުރު ނެރެދީފިނަމަ، އެގޮތުން ނެރޭ އަމުރު ދެމި އޮންނާނީ 36 (ތިރީސް ހައެއް) ގަޑިއިރު ވަންދެންނެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އަމުރުގެ މުއްދަތު އިތުރުކުރަން މީރާއިން ބޭނުންނަމަ، އެ މުއްދަތު އިތުރުކުރުމަށް ބޭނުންވާ ސަބަބު ބަޔާންކޮށް ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ހުށަހެޅުމުން، އެ ޓްރައިބިއުނަލްގައި ހިމެނޭ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުން އެ އަމުރު ނެރެދިނުމަށް ފާސްވެއްޖެނަމަ، 14 (ސާދަ) ދުވަހަށްވުރެ އިތުރުނުވާނެ ގޮތެއްގެމަތިން
އެ އަމުރުގެ މުއްދަތު ޓްރައިބިއުނަލްއަށް  އިތުރުކުރެވިދާނެއެވެ.


13 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 31 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާތައް އިތުރުކޮށް ދެންހުރި މާއްދާތައް ތަރުތީބުކުރުން.

32. މީރާއިން ޓެކްސްގެ އަދަދު ކަނޑައެޅުން

(ހ) މީރާއިން ޓެކްސް ދައްކާ ފަރާތެއްގެ ހިސާބުތަކާއި ލިޔެކިޔުންތައް އޮޑިޓްކުރުމަށްފަހު، ނުވަތަ ތަހުގީގެއް ހިންގުމަށްފަހު، އެކަމުގައި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެފަރާތުން އެ މުއްދަތުގައި ދައްކަންޖެހޭ ޓެކްސްގެ އަދަދު މީރާއަށް ކަނޑައެޅިދާނެއެވެ. އެގޮތުން ކަނޑައަޅާ ކަނޑައެޅުމަށް މި ގާނޫނުގައި ހަވާލާދޭނީ "މީރާއިން ކަނޑައަޅާ އަދަދު"ގެ ގޮތުގައެވެ.

(ށ) މީރާއިން ކަނޑައަޅާ އަދަދު މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅައިފި ހިނދެއްގައި، އެކަން، އެ ކަނޑައެޅުން ނިސްބަތްވާ ފަރާތަށް ލިޔުމުން އަންގަންވާނެއެވެ. އަދި އެ އެންގުމުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. ޓެކްސް ދައްކާ ފަރާތުގެ ނަމާއި އެޑްރެހާއި ޓިން؛
  2. އެ ކަނޑައެޅުން ނިސްބަތްވާ ޓެކްސް ނެގޭ މުއްދަތު؛
  3. އެފަރާތަކުން ޓެކްސްގެ ގޮތުގައި ދައްކަންޖެހޭކަމަށް މީރާއިން ކަނޑައަޅާ އަދަދު؛
  4. އެފަރާތަކުން ފައިސާ ދައްކަންޖެހޭ ތާރީހް.

 

33. މީރާއިން އަދަދު ކަނޑައެޅުމުގެ ނަތީޖާ

މީރާއިން ކަނޑައަޅާ އަދަދު މި މާއްދާގެ ދަށުން ކަނޑައަޅައިފި ހިނދެއްގައި، އެ ކަނޑައެޅުމުގެ ސަބަބުން އަންނަނިވި ނަތީޖާ ނިކުންނާނެއެވެ.

(ހ) އެ ކަނޑައެޅުން ނިސްބަތްވާ ޓެކްސް ނެގޭ މުއްދަތާ ގުޅޭގޮތުން ޓެކްސް ބަޔާން ހުށަހަޅާފައިވާނަމަ، އެ ބަޔާން އެ ކަނޑައެޅުމާ އެއްގޮތަށް އިސްލާހުވެގެން ދިޔައީ ކަމުގައި ބެލުން؛

(ށ) އެ ކަނޑައެޅުން ނިސްބަތްވާ ޓެކްސް ނެގޭ މުއްދަތާ ގުޅޭގޮތުން ޓެކްސް ބަޔާން ހުށަހަޅާފައިނުވާނަމަ، މީރާއިން ކަނޑައަޅާ އަދަދަކީ، އެ މުއްދަތުގައި ޓެކްސް ދައްކާ ފަރާތުން ދައްކަންޖެހޭ ޓެކްސްގެ އަދަދުކަމުގައި ބެލުން.

 

34. އެއް އަހަރަށްވުރެ ގިނަ އަހަރާގުޅޭ އުސޫލު

ޓެކްސް ގާނޫނެއްގެ ދަށުން ހިންގޭ ތަހުގީގަކަށް، އެންގޭ އެންގުމެއްގައި، ޓެކްސް ނެގޭ އެއް މުއްދަތަށްވުރެ ގިނަ މުއްދަތަށް ހަވާލާދީފައިވާނަމަ، މީރާއިން ކަނޑައަޅާ ކަނޑައެޅުން އެ އެންގުމުގައި ހަވާލާދީފައިވާ ކޮންމެ މުއްދަތަކަށް ވަކިވަކިން ހިނގާނެއެވެ.

 

35. އިއުތިރާޒުކުރުން

މީރާއިން ނިންމި ނިންމުމަކާމެދު ޓެކްސް ދައްކާ ފަރާތުން އިއުތިރާޒުކުރާނަމަ، އެ އެންގުން އެންގި ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކަން މީރާއަށް ޓެކްސް ދައްކާ ފަރާތުން ލިޔުމުން އަންގަންވާނެއެވެ. އަދި އެ ލިޔުމުގައި އޭނާ އެކަމަށް އިއުތިރާޒުކުރާ ސަބަބު ތަފްސީލުކޮށް ބަޔާންކުރަންވާނެއެވެ.

 

36. އިއުތިރާޒުކުރުމުގެ އިޖުރާއަތުތައް

މީރާއިން ނިންމި ނިންމުމަކާމެދު ޓެކްސް ދައްކާ ފަރާތުން އިއުތިރާޒުކޮށްފި ހިނދެއްގައި އެފަރާތުން އެ އިއުތިރާޒުކުރާ މައްސަލަ ބަލައި އެ މައްސަލައަށް ގޮތެއް ނިންމުމުގެ އިޖުރާއަތުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

37. އިސްތިއުނާފުކުރުމަށް ލިބިދޭ ހައްގު އުފަންވުން

މީރާއިން ނިންމި ނިންމުމަކާ މެދު ޓެކްސް ދައްކާ ފަރާތުން އިއުތިރާޒުކޮށް މީރާއަށް ހުށަހެޅުމުން މީރާއިން ނިންމި ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ، އެކަމެއް އިސްތިއުނާފުކުރުމަށް، އެ ނިންމުން ނިންމިތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ހުށަހެޅިދާނެއެވެ. އަދި މިގޮތުގެމަތިން އިސްތިއުނާފުކުރިނަމަވެސް، މީރާއިން އަދަދެއް ކަނޑައަޅާފައިވާނަމަ، އެގޮތުން ކަނޑައެޅުނު އަދަދު މީރާއަށް ދެއްކުމަކީ ޓެކްސް ދައްކާ ފަރާތުގެ މައްޗަށް
މި ގާނޫނު ލާޒިމްކުރާ ކަމެކެވެ. އަދި އެ ފައިސާ އެގޮތަށް ނުދައްކާހާހިނދަކު، އަދި އެފަރާތަކުން އެއްވެސް ޓެކްސް ގާނޫނެއްގެ ދަށުން އެ ހިނދަށް ދައްކަންޖެހޭ އެންމެހައި ފައިސާ ފުރިހަމައަށް ދައްކާފައިނުވާހާހިނދަކު، ޓެކްސް ދައްކާ ފަރާތަށް އިސްތިއުނާފުކުރުމަށް ލިބިދޭ ހައްގު އެއީ، އުފަންވެއްޖެ ހައްގެއް ކަމުގައެއް ނުބެލެވޭނެއެވެ.

 

38. އަނބުރާ ދިނުން ނުވަތަ އަޅައިކެނޑުން

މީރާއިން ނިންމި ނިންމުމަކާމެދު ޓެކްސް ދައްކާ ފަރާތުން އިއުތިރާޒު ކުރުމުން ނުވަތަ އިސްތިއުނާފުކުރުމުން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެ މައްސަލަ ބަލައި ގޮތެއް ކަނޑައަޅާ ހިނދު، މީރާއިން ކަނޑައެޅި އަދަދަކީ ޓެކްސް ދައްކަންޖެހޭ ފަރާތުން ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދަށްވުރެ ބޮޑު އަދަދެއްކަމުގައިވާނަމަ، އެ ފައިސާއާމެދު އަމަލުކުރާނީ އިތުރަށް ދެއްކޭ ޓެކްސްއާމެދު އަމަލުކުރުމަށް މި ގާނޫނުގައި ކަނޑައެޅިފައިވާ ގޮތުގެމަތިންނެވެ.
 

14 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 33 ވަނަ މާއްދާގެ (ރ) ގެ ގޮތުގައި އަންނަނިވި އަކުރު އިތުރުކުރުން.

 
33. (ރ)

  1. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ހާލަތްތަކުގައި ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން އަންގާ އެންގުމަކުން ޓެކްސް ދައްކަންޖެހި ނުދައްކާ އޮތް ފަރާތެއްގެ ބޭންކު އެކައުންޓްގައިވާ ފައިސާ ހިފެހެއްޓުމަށް ގާނޫނު ނަންބަރު 24/2010 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) އެ މައްޗަށް ހިނގާ ބޭންކަކަށް އެންގުމަށްޓަކައި މީރާއިން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް އެންގިދާނެއެވެ.  
  2. މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގެ ދަށުން އެންގުމެއް ފޮނުވިފައިވާ ބޭންކަކުން، އެ އެންގުން ފޮނުވޭތާ 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި
    އެ އެންގުމުގައި ބަޔާންކޮށްފައިވާ ފައިސާގެ އަދަދު މީރާއިން ކަނޑައަޅާ ގޮތެއްގެމަތިން މީރާއަށް ދައްކަންވާނެއެވެ. 
  3. މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގެ ދަށުން ފޮނުވާ އެންގުމުގައި ބަޔާންކޮށްފައިވާ ފައިސާ، އެ ފައިސާ ދައްކަންޖެހޭ ފަރާތުން މި މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގައި ހަވާލާދީފައިވާ މުއްދަތުގެ ތެރޭގައި ހަމައަށް ދައްކާ ހަލާސްކޮށްފިނަމަ ނުވަތަ ފައިސާ ދެއްކުމަށް ވަކިގޮތަކަށް މީރާއާއެކު އެއްބަސްވުމަކަށް އާދެވިފައިވާނަމަ، މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގެ ދަށުން ހިފެހެއްޓިފައިވާ ހިފެހެއްޓުން ނިމުމަކަށް ގެނައުމަށް މޯލްޑިވްސް މަނިޓަރީ އޮތީރިޓީއަށް މީރާއިން  އަންގަންވާނެއެވެ.


15 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 33 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާ އިތުރުކުރުން.

34. ބޭންކު އެކައުންޓް ބެލުން
ޓެކްސް ގާނޫނެއްގައި ބުނެފައިވާ ކުށެއް އެއްވެސް ފަރާތަކުން ކޮށްފިކަމަށް ތުހުމަތުކުރެވޭނަމަ، އެފަރާތުގެ އަދި އެފަރާތާ ގުޅުންހުރި ފަރާތްތަކުގެ ބޭންކު އެކައުންޓްތަކާއި، ބޭންކު މެދުވެރިވެގެން ފޮނުވާ އަދި ލިބޭ ފައިސާއާއި، ބޭންކު މެދުވެރިވެގެން ކުރާ އެހެނިހެން މުއާމަލާތްތަކުގެ ތަފްސީލު، ގާނޫނު ނަންބަރު 24/2010 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) އޭގެ މައްޗަށް ހިނގާ އެންމެހައި ބޭންކުތަކާއި އެހެނިހެން މާލީ އިދާރާތަކުން ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން ހޯދަން ބޭނުންވެއްޖެ ހިނދެއްގައި، އެ ތަފްސީލު ހޯދަންވާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ މެދުވެރިކޮށެވެ.


16 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 34 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާ އިތުރުކުރުން.

35 . ޓެކްސްއަށްނުވާ ފައިސާ ހޯދުމުގައި ޓެކްސްގެ އުސޫލު ހިނގުން
އެހެން ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާހިނދަކު، އެއްވެސް ގާނޫނެއްގެ ދަށުން މީރާއަށް ދެއްކުމަށް އެއްވެސް ފަރާތަކަށް ލާޒިމްކުރާ ފީއެއް، ނުވަތަ ކުއްޔެއް، ނުވަތަ ރޯޔަލްޓީއެއް، ނުވަތަ ޖޫރިމަނާއެއް، ނުވަތަ އެހެންވެސް ފައިސާއެއް، އެ ފައިސާ ދައްކަންޖެހޭ މުއްދަތުގައި ދައްކާފައިނުވާނަމަ، އެ ފައިސާ އެފަރާތުން ހޯދުމުގައި މީރާއިން އަމަލުކުރާނީ، ޓެކްސް ގާނޫނެއްގެ ދަށުން ޓެކްސް ދެއްކުން ލާޒިމްކުރާ ފަރާތަކުން ދައްކަންޖެހި ނުދައްކާ އޮތް ޓެކްސްއެއް އެފަރާތުން ހޯދުމުގައި މީރާއިން އަމަލުކުރާނެ އުސޫލުތައްކަމަށް މި ބާބުގައި ބަޔާންކޮށްފައިވާ އުސޫލުތަކަށެވެ.


17 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 36 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

 
36. (ށ) މި މާއްދާގައި "ފޮރިން ޓެކްސް" ކަމުގައި ބުނެފައިއެވަނީ ޑަބަލް ޓެކްސް ނެގޭ ހާލަތްތަކުގައި ދެވޭ ލުއިގެ އެއްބަސްވުމެއް ގާއިމުކުރެވިފައިވާ ގައުމަކުން ލިބޭ އާމްދަނީއިން ނުވަތަ ފައިދާއިން އެ ގައުމެއްގައި ނެގޭ ޓެކްސްއަށެވެ.
 

18 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނު ގެ 36 ވަނަ މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، (3)  ވަނަ ނަންބަރުގެ ފަހަތުގައި ތިރީގައިވާ ގޮތަށް ހިމަނާފައިވާ ބައި އުނިކުރުމަށް.

"އެކަމަކު މި މާއްދާގެ (1)، (2) އަދި (3) އާއި ހިލާފަށް އާމްދަނީއަށް ލިބޭ ކުރެޑިޓްއަށްވުރެ އާމްދަނީއަށްވާ ފޮރިން ޓެކްސް އިތުރުނަމަ، އެ އިތުރުވާ އަދަދު އުނިކުރެވޭނެއެވެ."

 

19 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 37 ވަނަ މާއްދާގެ (ނ) ގައި ހަވާލާދީފައިވާ މާއްދާ، 35 ވަނަ މާއްދާއިން ބުނެވިދިޔަ ގާނޫނުގެ 36 ވަނަ މާއްދާއަށް ބަދަލުކުރުމަށް.

 

20 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 46 ވަނަ މާއްދާ އަރިމަތީ ސުރުހީ ހިމެނޭގޮތަށް އިސްލާހުކުރުން. 

46. ޓެކްސް އެޕީލް ޓްރައިބިއުނަލްގެ އިދާރީ ހިންގުން އަދި މާލީ ކަންކަން
(ހ) ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީއާއި، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރިކަރަންޓް ހަރަދާއި، ކެޕިޓަލް ހަރަދު ހިމަނައިގެން އެ އަހަރަކަށް ލަފާކުރާ ބަޖެޓް އެކުލަވާލައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން، އަދި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ތާރީހަށް، ނުވަތަ އެ ތާރީހްގެ ކުރިން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ޓެކްސް އެޕީލް ޓްރައިބިއުނަލްއިން އެ ބަޖެޓް ފޮނުވަންވާނެއެވެ.

(ށ) އެއްވެސް ބަޔަކު ނުވަތަ ޖަމާއަތަކުން ނުވަތަ ބޭރު ގައުމެއްގެ ސަރުކާރުން ޓެކްސް އެޕީލް ޓްރައިބިއުނަލްއަށްދޭ މާލީ އެހީއެއް، ޓްރައިބިއުނަލްގެ މަސްއޫލިއްޔަތުތައް އަދާކުރަން މެނުވީ ބޭނުންކޮށްގެންނުވާނެއެވެ.

(ނ) ޓެކްސް އެޕީލް ޓްރައިބިއުނަލްގެ އާމްދަނީއާއި ހަރަދާއި މިލްކިއްޔާތާއި، މާލީ ޒިންމާތަކާބެހޭ ހިސާބު، އޮޑިޓަރ ޖެނެރަލް ކަނޑައަޅާ މިންގަނޑަކާއި އެއްގޮތަށް ތައްޔާރުކޮށް އޮޑިޓްކުރުމަށްފަހު، އަންނަނިވި މައުލޫމާތުތައް ހިމެނޭގޮތަށް ތައްޔާރުކުރެވިފައިވާ އަހަރީ ރިޕޯޓު، ކޮންމެ އަހަރެއްގެ މެއި މަހުގެ 31 ވަނަ ދުވަހުގެ ކުރިން ރައްޔިތުންގެ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވަންވާނެއެވެ.

  1. ޓްރައިބިއުނަލްގެ މަގްސަދުތައް ހާސިލްކުރުމުގެ ގޮތުން އެ އަހަރެއްގެ ތެރޭގައި ކުރެވުނު މަސައްކަތްތަކާއި އޭގެ ނަތީޖާ؛ 
  2. ޓްރައިބިއުނަލްއަށް ހުށަހެޅުނު މައްސަލަތައް؛ 
  3. ޓްރައިބިއުނަލްއިން ނިންމާފައިވާ މައްސަލަތަކާއި، އެ މައްސަލަތައް ނިންމާފައިވާ ގޮތް؛ 
  4. ޓްރައިބިއުނަލްއަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ބަލަމުންގެންދާ މައްސަލަތައް؛ 
  5. ޓްރައިބިއުނަލްއަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ނުނިމިވާ މައްސަލަތައް؛ 
  6. ޓްރައިބިއުނަލްގެ ހިންގުމުގެ ދާއިރާއާއި މުވައްޒަފުންނާ ގުޅޭގޮތުން އިދާރީ ގޮތުން އެ އަހަރެއްގެ ތެރޭގައި ހިނގި ކަންކަމުގެ ތަފްސީލު.

(ރ)   މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށް ފޮނުވާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި، ޓެކްސް އެޕީލް ޓްރައިބިއުނަލްއިން
އެ ރިޕޯޓު އާންމުކޮށް ށާއިއުކުރަންވާނެއެވެ.


21 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 47 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

47. ޓްރައިބިއުނަލްގެ ގަވާއިދު
ޓްރައިބިއުނަލްގެ މަސައްކަތް ހިންގާގޮތާއި، ޓްރައިބިއުނަލްއިން މައްސަލަތައް ބެލުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި، ޓްރައިބިއުނަލްއާބެހޭ އެހެނިހެން ކަންތައްތައް ހިމެނޭ ގަވާއިދެއް، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ގާނޫނު ތަސްދީގުކުރާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ޓްރައިބިއުނަލްއިން ހަދަންވާނެއެވެ.


22 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ މިހާރު އޮތް ހަވަނަ ބާބު އެއީ ހަތްވަނަ ބާބު ކަމުގައި ހަމަޖައްސައި، އަންނަނިވި ގޮތުގެމަތިން ހަވަނަ ބާބެއް އިތުރުކުރުން.

 

ހަވަނަ ބާބު

ކުށާއި އަދަބު


48. މި ބާބު ހިނގާނެ ދާއިރާ

(ހ) މި ބާބުގައި ބަޔާންވެގެންވާ ކުށާއި އަދަބު، ޓެކްސް ގާނޫނުތަކާ ގުޅޭގޮތުން ހިނގާނެއެވެ.

(ށ) ޓެކްސް ގާނޫނެއްގެ ދަށުން ދައްކަންޖެހޭ ޓެކްސްއަކާ ގުޅޭގޮތުން، މި ބާބުގައި ކުށެއްކަމަށް ބަޔާންވެގެންވާ ކަމެއް ކޮށްފިނަމަ، އެފަދަކަމެއް ކުށަކަށްވާނީ، އަދި އެ ކުށަށް އަދަބު ކަނޑައަޅާނީ، މި ގާނޫނުގައިވާ ގޮތުގެމަތިންނެވެ.


49. ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށް
(ހ) އެއްވެސް ޓެކްސް ގާނޫނެއްގެ ދަށުން ދައްކަންޖެހޭ ޓެކްސްއެއް ދެއްކުމުން، އެނގިހުރެ، ގަސްދުގައި އެއްކިބާވުމުގެ ނިޔަތުގައި، ނުވަތަ އެކަން އެގޮތަށް ކުރުމަށް ޓެކްސް ދައްކަންޖެހޭ މީހަކަށް އެހީތެރިވެދިނުމުގެ ނިޔަތުގައި އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކުރުމަކީ ކުށެކެވެ.
 

  1. ޓެކްސް ގާނޫނެއްގެ ދަށުން ހުށަހަޅަންޖެހޭ ޓެކްސް ބަޔާނެއް ހުށަނޭޅުން، ނުވަތަ އެއިން ގާނޫނެއްގެ ދަށުން އަންގަންޖެހޭ އެންގުމެއް ނޭންގުން، ނުވަތަ އެއިން ގާނޫނެއްގެ ދަށުން ހުށަހަޅަންޖެހޭ މައުލޫމާތެއް ހުށަނޭޅުން؛ 
  2. ޓެކްސް ބަޔާނެއް ހުށަހަޅާއިރު، އޭގައި ހިމަނަންޖެހޭ ޓެކްސް ނެގޭ އާމްދަނީ ނުވަތަ ޓެކްސް ނެގޭ ފައިދާ ނުވަތަ އެނޫންވެސް އެފަދަ ޓެކްސްގެ އަދަދު ކަނޑައެޅުމަށް މުހިންމު އާމްދަނީއާއި ފައިދާއާގުޅޭ މައުލޫމާތެއް ނުހިމެނުން؛ 
  3. ޓެކްސް ބަޔާނެއްގައި ދޮގު މައުލޫމާތެއް ހިމެނުން ނުވަތަ ހިމަނަންޖެހޭ މައުލޫމާތެއް ހިމަނާފައި ނުވުން؛ 
  4. ޖަވާބެއް ނުވަތަ ވަކި މައުލޫމާތެއް ހޯދުމަށް ލިޔުމުން އެދުމުން ނުރަނގަޅު ޖަވާބެއް ދިނުން ނުވަތަ ނުރަނގަޅު މައުލޫމާތެއް ދިނުން؛ 
  5. ޓެކްސް ގާނޫނެއްގެ ދަށުން ބަލަހައްޓަންޖެހޭ ލިޔެކިޔުންތަކާއި މާލީ ހިސާބުތައް އެކުލަވާލުމުގައާއި ބެލެހެއްޓުމުގައި، އެ ލިޔެކިޔުންތަކާއި މާލީ ހިސާބުތައް ނުރަނގަޅުކޮށް އެކުލަވާލުން ނުވަތަ ބެލެހެއްޓުން؛ ނުވަތަ އެ ލިޔެކިޔުންތަކާއި މާލީ ހިސާބުތައް ނުރަނގަޅުކޮށް އެކުލަވާލުމާއި ބެލެހެއްޓުމަށް ހުއްދަކުރުން؛ 
  6. މީރާއަށް ހުށަހަޅަންޖެހޭ މާލީ ހިސާބުތައް ހުށަނޭޅުން ނުވަތަ އެކުލަވާލަންޖެހޭ ގޮތަށް އެކުލަވާލާފައިނުވާ މާލީ ހިސާބުތައް މީރާއަށް ހުށަހެޅުން؛ 
  7. ޓެކްސް ދައްކަންޖެހޭ އަދަދަށް އަސަރެއްކޮށްފާނެ ފަދަ މައުލޫމާތަކަށް ބަދަލެއް ގެނައުން؛ 
  8. ވިތްހޯލްޑިންގ ޓެކްސްގެ ގޮތުގައި އުނިކޮށް، ޖަމާކޮށް، މީރާއަށް ދައްކަންޖެހޭ ޓެކްސްއެއްގެ ފައިސާ، އުނިނުކުރުން ނުވަތަ ޖަމާނުކުރުން ނުވަތަ މާލީ ހިސާބުތަކުގައި ނުހިމެނުން ނުވަތަ މީރާއަށް ނުދެއްކުން؛
     

މީރާއިން ހިންގަންޖެހޭ ތަހުގީގެއް މީރާއިން ހިންގުމުގައި ހުރަސްއެޅުން ނުވަތަ އެކަން ކުރަން މީރާއަށް ދަތިކުރުން.
 
 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއްގެ މަދަނީ އަދަބަކީ:

  1. ޓެކްސް ނެގޭ މުއްދަތުގައި ދައްކަންޖެހޭ ޓެކްސްގެ ފައިސާގެ %0.5 (ސުމެއް ޕޮއިންޓް ފަހެއް އިންސައްތަ) އިން ޖޫރިމަނާކުރުން؛ އަދި
  2. ޓެކްސް ބަޔާނެއް ހުށަހަޅަންޖެހޭ ދުވަހަށް ހުށަނާޅާ ވޭތުވާ ކޮންމެ ދުވަހަކަށް ނުވަތަ ފޯރުކޮށްދޭންޖެހޭ މައުލޫމާތެއް ފޯރުކޮށްދޭންޖެހޭ ދުވަހަށް ފޯރުކޮށްނުދީ ހިނގާ ކޮންމެ ދުވަހަކަށް ނުވަތަ ވިތްހޯލްޑިންގ ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާއެއް ނުދައްކާ ވޭތުވެދާ ކޮންމެ ދުވަހަކަށް 100 (އެއްސަތޭކަ) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން.

 
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއްގެ ޖިނާއީ އަދަބަކީ، އެ ކުށްކުރި ފަރާތެއް 3 (ތިނެއް) މަސްދުވަހާއި 1 (އެކެއް) އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ގޭގައި ބަންދުކުރުމެވެ.

(ރ) ޓެކްސް ބަޔާނެއްގައި ނުރަނގަޅު މައުލޫމާތެއް ހިމަނާފައިވާނަމަ ނުވަތަ އެ ބަޔާނުގައި ހިމަނަންޖެހޭ މައުލޫމާތެއް ހިމަނާފައިނުވާނަމަ ނުވަތަ ބަލަހައްޓަންޖެހޭ ލިޔެކިޔުންތަކާއި މާލީ ހިސާބުތަކުގައި ނުރަނގަޅު މައުލޫމާތެއް ހިމަނާފައިވާނަމަ ނުވަތަ ހިމަނަންޖެހޭ މައުލޫމާތެއް ހިމަނާފައިނުވާނަމަ، އެހެންގޮތަކަށް ސާބިތުނުވާހާހިނދަކު، މި މާއްދާގެ ބޭނުމަށްޓަކައި އޭނާ އެކަން ކޮށްފައިވަނީ ޓެކްސް ދެއްކުމުން އެއްކިބާވުމަށްކަމުގައި ބެލެވޭނެއެވެ.


50. ޓެކްސް ބަޔާން ހުށަނޭޅުމާއި މައުލޫމާތު ހުށަނޭޅުމުގެ ކުށް

(ހ) މި ގާނޫނުގެ 64 ވަނަ މާއްދާގައި ބަޔާންވެގެންވާ ކުށެއްގެ ތެރޭގައި ނުހިމެނޭ ގޮތުން، އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް މަގުބޫލު އުޒުރަކާ ނުލައި ކުރުމަކީ ކުށެކެވެ.

  1. ޓެކްސް ބަޔާން ހުށަނޭޅުން؛
     
  2. މާލީ ހިސާބުތައް ހުށަނޭޅުން؛
     
  3. ގާނޫނުގައިވާ ގޮތުގެމަތިން ހުށަހަޅަންޖެހޭ މައުލޫމާތެއް ހުށަނޭޅުން؛ 
  4. ވިތްހޯލްޑިންގ ޓެކްސްގެ ގޮތުގައި އުނިކުރެވޭ ފައިސާ މީރާއަށް ނުދެއްކުން؛ 
  5. މި ގާނޫނުގައި ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން، ލިޔެކިޔުންތަކާއި މާލީ ހިސާބުތައް ނުބެލެހެއްޓުން؛ 
  6. ސައްހަ ނޫން މައުލޫމާތެއް ހިމަނައިގެން ޓެކްސް ބަޔާނެއް ހުށަހެޅުން؛ 
  7. ސައްހަ ނޫން މައުލޫމާތެއް ހިމަނައިގެން މާލީ ހިސާބެއް ނުވަތަ ލިޔެކިޔުމެއް ހުށަހެޅުން؛ 
  8. ޓެކްސް ގާނޫނެއްގެ ދަށުން ރަޖިސްޓްރީ ކުރަންޖެހޭ މުއްދަތެއްގައި ރަޖިސްޓްރީ ނުކުރުން.

 
 

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (8) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ކުށެއްގެ މަދަނީ އަދަބަކީ:

  1. ޓެކްސް ނެގޭ މުއްދަތުގައި ދައްކަންޖެހޭ ޓެކްސްގެ ފައިސާ %0.5 (ސުމެއް ޕޮއިންޓް ފަހެއް އިންސައްތަ) އިން ޖޫރިމަނާކުރުން؛ އަދި  
  2. ޓެކްސް ބަޔާނެއް ހުށަހަޅަންޖެހޭ ދުވަހަށް ހުށަނާޅާ ވޭތުވާ ކޮންމެ ދުވަހަކަށް ނުވަތަ ފޯރުކޮށްދޭންޖެހޭ މައުލޫމާތެއް ފޯރުކޮށްދޭންޖެހޭ ދުވަހަށް ފޯރުކޮށްނުދީ ހިނގާ ކޮންމެ ދުވަހަކަށް، ނުވަތަ ވިތްހޯލްޑިންގ ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާއެއް ނުދައްކާ ވޭތުވެދާ ކޮންމެ ދުވަހަކަށް 50 (ފަންސާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއްގެ ޖިނާއީ އަދަބަކީ، އެ ކުށްކުރި ފަރާތެއް 1 (އެކެއް) މަސްދުވަހާ 6 (ހައެއް) މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ގޭގައި ބަންދުކުރުމެވެ.

 

51. ދައްކަންވާ ދުވަހަށް ޓެކްސް ނުދެއްކުމުގެ ކުށް

(ހ) ޓެކްސް ގާނޫނެއްގެ ދަށުން ޓެކްސް ދައްކަންޖެހޭ ފަރާތުން، އޭނާ ދައްކަންޖެހޭ ޓެކްސް ދައްކަންޖެހޭ ދުވަހަށް ނުދައްކައިފިނަމަ، އެ ކުރަނީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއްގެ އަދަބަކީ، އެ ކުށްކުރި ފަރާތުން ދައްކަންޖެހޭ ޓެކްސް ދައްކަންޖެހޭ ދުވަހުން ފެށިގެން ވޭތުވަމުންދާ ކޮންމެ ދުވަހަކަށް، ނުދައްކާ އޮތް އަދަދުގެ %0.05 (ސުމެއް ޕޮއިންޓް ސުމެއް ފަހެއް އިންސައްތަ) އިން އެފަރާތެއް ޖޫރިމަނާކުރުމެވެ.

 

52. ކުށެއްކަމަށް ކަނޑައަޅާފައިވާ ކަމެއް ކުރުން

(ހ) ޓެކްސް ގާނޫނެއްގެ ދަށުން ކަނޑައަޅަންޖެހޭ މަދަނީ އަދަބު ކަނޑައަޅާނީ ގާނޫނުގައިވާ ގޮތުގެމަތިން ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަންގެ ނިންމުމަކުންނެވެ.

(ށ) މި ގާނޫނުގައި ކުށެއް ކަނޑައެޅުމަށްފަހު އެކުށުގެ އަދަބު ބަޔާންކޮށްފައިނުވާނަމަ،  އެ ކުށެއްގެ އަދަބަކީ 5,000 (ފަސްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން  އެ ކުށްކުރި ފަރާތް ޖޫރިމަނާކުރުމެވެ.

 

53. ޖިނާއީ އެހެން ދައުވާއެއް އުފުލުން މަނާނުކުރުން
އެހެން އެއްވެސް ގާނޫނެއްގެ ދަށުން ކުރެވޭ އެއްވެސް ޖިނާއީ ދައުވާއަކަށް މި ގާނޫނުން ހުރަހެއް ނެތެވެ. އެހެންނަމަވެސް، އެއް ކުށަކަށް އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ އެއް ދައުވާއަށްވުރެ ގިނަ ދައުވާއެއް ނުކުރެވޭނެއެވެ.

 

54. ފިޔަވަޅު އެޅުމުގެ މުއްދަތު

(ހ) މި ގާނޫނުގެ ދަށުން ކުށެއްކަމަށް ބަޔާންކޮށްފައިވާ ކަމެއް ކުރި މީހަކާމެދު މި ގާނޫނުގެ ދަށުން އެޅުމަށް ހުއްދަ ފިޔަވަޅެއް އެޅޭނީ، އެ ކުށްކުރި ތާރީހުން ފެށިގެން ގިނަވެގެން 2  (ދޭއް) އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައެވެ.

(ށ) މި ގާނޫނުގެ ދަށުން ކުށެއްކަމަށް ބަޔާންކޮށްފައިވާ ކަމެއް ކޮށްފައިވާކަން މީރާއަށް ނޭނގޭނަމަ، ނުވަތަ އެފަދަ ކުށަކާ ގުޅޭގޮތުން ފިޔަވަޅެއް އެޅުމަށް އެކަށީގެންވާ މިންވަރަށް ހެކި ލިބިފައިނުވާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތު ގުނަންފަށާނީ، މީރާއަށް އެކަން އެނގޭ ތާރީހް ނުވަތަ އެކަމާމެދު ފިޔަވަޅު އެޅުމަށް އެކަށީގެންވާ މިންވަރަށް ހެކި ލިބިއްޖެކަމަށް މީރާއަށް ގަބޫލުކުރެވޭ ތާރީހް، މި ދެ ތާރީހުންކުރެ ފަހުން އަންނަ ތާރީހެއްގައެވެ.

 

55. މަދަނީ އަދަބު އިސްތިއުނާފުކުރުން
މި ގާނޫނުގެ ދަށުން މަދަނީ އަދަބެއް ކަނޑައެޅުމުން، އެ އަދަބެއްގެ ގޮތުން ދައްކަން އަންގާ ފައިސާ ދެއްކުމަކީ، އެ އަދަބަކާމެދު އިސްތިއުނާފަށް ހުށަހަޅާފައިވީނަމަވެސް، އެ ފައިސާ ދައްކަންޖެހޭ ދުވަހަށް ދައްކާ ނިންމަންޖެހޭނެ ފައިސާއެކެވެ. އެހެންނަމަވެސް އިސްތިއުނާފުކުރުމުގެ ސަބަބުން އެ އަދަބު ކުޑަކޮށްފިނަމަ، ނުވަތަ ބާތިލުކޮށްފިނަމަ، މީރާއިން އެ ފައިސާ އަނބުރާ އެފަރާތަކަށް ދައްކަންޖެހޭނެއެވެ.


56. ކުށް ސާބިތުކުރަންޖެހޭ މިންގަނޑު
އެހެން ގާނޫނެއްގައި ކަނޑައެޅިގެން އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާހިނދަކު، މި ގާނޫނުގައި ކަނޑައަޅާފައިވާ ކުށަކާ ގުޅޭގޮތުން މި ގާނޫނުގެ ދަށުން ޖިނާއީ ދައުވާއެއް އުފުލޭ ހާލަތުގައި އެ ކުށުގެ ތުހުމަތުކުރެވޭ ފަރާތުން އެ ކުށެއް ކުރިކަން ސާބިތުކުރުމަކީ ދައުވާކުރާ ފަރާތުގެ ޒިންމާއެކެވެ. މި ގާނޫނުގައި ކަނޑައަޅާފައިވާ ކުށަކާ ގުޅޭގޮތުން މި ގާނޫނުގެ ދަށުން މަދަނީ ފިޔަވަޅު އެޅޭ ހާލަތުތަކުގައި، އެ ކުށެއް ނުކުރާކަން ސާބިތުކުރުމަކީ، އެ ކުށުގެ ތުހުމަތުކުރެވޭ މީހާގެ ޒިންމާއެކެވެ.


  
23 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ހަވަނަ ބާބުގެ 48 ވަނަ މާއްދާގެ ކުރިޔަށް އަންނަނިވި މާއްދާތައް އިތުރުކޮށް، ދެންހުރި މާއްދާތައް ތަރުތީބުކުރުން.

 

47. މި ގާނޫނު އެހެން ޓެކްސް ގާނޫނުތަކާ އެކުގައި ކިޔުން

މި ގާނޫނު ކިޔާނީ، އެހެން ޓެކްސް ގާނޫނުތަކާ އެކުގައެވެ. އަދި މި ގާނޫނުގައި ބޭނުންކޮށްފައިނުވާ ކޮންމެ ލަފުޒެއް ނުވަތަ އިބާރާތެއް، ކަނޑައެޅިގެން އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާހިނދަކު މާނަކުރާނީ، އެ ގާނޫނުތަކުގައި އެ ލަފުޒެއް ނުވަތަ އިބާރާތެއް މާނަކޮށްފައިވާ ގޮތަށެވެ.

 

48. ބަންދު ދުވަހަކާއި ދިމާވުން

(ހ) ޓެކްސް ގާނޫނެއްގައި ވަކި ކަމެއް ކުރުން ލާޒިމްކޮށްފައިވަނީ ވަކި ތާރީހަކަށް ކަމަށްވެފައި،
އެ ތާރީހެއް ދިމާވަނީ ރަސްމީ ބަންދު ދުވަހަކަށްކަމަށްވާނަމަ، ދެން އެކަމެއްކުރުމުގެ އެންމެފަހު ތާރީހަކީ އެ ބަންދު ދުވަހަކަށްފަހު އެންމެ އަވަހަށް އަންނަ ރަސްމީ މަސައްކަތު ދުވަހެކެވެ.

(ށ) ޓެކްސް ގާނޫނެއްގައި ވަކި ކަމެއް ކުރުން ލާޒިމްކޮށްފައިވާ ތާރީހެއްގައި އެކަމެއް ނުކުރެވުނީ ރަސްމީ ބަންދު ދުވަހަކާ ދިމާވުމުންކަމަށްވާނަމަ އެކަމެއް ނުކުރެވުމުގެ ސަބަބުން ކަނޑައެޅޭ ޖޫރިމަނާ ހިނގަން ފަށާނީ ބަންދު ދުވަހަކަށްފަހު އެންމެ އަވަހަށް އަންނަ ރަސްމީ މަސައްކަތު ދުވަހުން ފެށިގެންނެވެ.

 

49. އިތުރަށް ދައްކާ ޓެކްސް

(ހ) ޓެކްސް ދައްކާ ފަރާތުން މީރާއަށް ފައިސާ ދެއްކުމުގައި، ދައްކަންޖެހޭ މިންވަރަށްވުރެ އިތުރަށް ފައިސާ ދެއްކޭ ހާލަތުގައި، އެ ފައިސާ އަނބުރާ ހޯދުމަށް އެފަރާތުން މީރާއަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހުށަހެޅުމެއް މީރާއަށް ލިބުމުން، އަންނަނިވި   ދެ ގޮތުންކުރެ ގޮތަކަށް މީރާއަށް ކަނޑައެޅިދާނެއެވެ.

  1. އެފަރާތުން މީރާއަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނެތްނަމަ، އެ އަދަދު އެފަރާތަށް އަނބުރާ ދިނުން؛
  2. ކުރިޔަށްހުރި ޓެކްސް ދައްކަންޖެހޭ މުއްދަތުތަކުގައި އެފަރާތުން ދައްކަންޖެހޭ ޓެކްސްގެ ފައިސާއިން އެ އަދަދު އުނިކުރުން.

(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ޓެކްސް ގާނޫނެއްގެ ދަށުން ޓެކްސް ދައްކާ އެއްވެސް ފަރާތަކުން ޓެކްސް ދެއްކުމުގައި މަކަރާއި ހީލަތް ހަދާފައިވާކަމަށް މީރާއަށް ގަބޫލުކުރެވޭނަމަ، އެފަރާތުން މީރާއަށް ފައިސާ ދެއްކުމުގައި، ދައްކަންޖެހޭ މިންވަރަށްވުރެ އިތުރަށް ދައްކާފައިވާ ފައިސާ އަނބުރާ ނުދީ ހިފެހެއްޓުމުގެ އިހްތިޔާރު މީރާއަށް ލިބިގެންވެއެވެ.

 

50. އަދަބު ލުއިކޮށްދިނުން

(ހ) ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަންއަށް ފެނިއްޖެނަމަ އަދަބު ލުއިކޮށްދީ، އަދަބެއްގެ މައްސަލައެއް ފަސްކޮށްދީ ނުވަތަ ދެ މައްސަލައެއް އެއްކޮށްލައި ނުވަތަ އަދަބު އެއްކޮށް މައާފުކޮށްދިނުމަކީ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަންއަށް އިހްތިޔާރު ލިބިގެންވާ ކަންކަމެވެ.

(ށ) ޓެކްސް ގާނޫނަކަށް އަމަލުކުރަންފަށާ ތާރީހުން ފެށިގެން ފުރަތަމަ 6 (ހައެއް) މަސްދުވަހަށް ނިސްބަތްވާ ކަންކަމަށް، ޓެކްސް ދައްކާ އެންމެހައި ފަރާތްތަކަށް އެއް އުސޫލަކުން، ޖިނާއީ އަދަބު ކަނޑަނާޅާ ދޫކޮށްލުމުގެ އިހްތިޔާރު ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަންއަށް ލިބިގެންވެއެވެ.

 

51. ޓެކްސް ދަރަންޏަކަށްވުން

ޓެކްސް ގާނޫނެއްގެ ދަށުން މީރާއަށް ދައްކަންޖެހޭ ފައިސާއަކީ، އެ ފައިސާ ދެއްކުން ލާޒިމްވާ ވަގުތުން ފެށިގެން އެ ފައިސާ ނުލިބޭހާހިނދަކު، އެ ފައިސާ ދައްކަންޖެހޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ދަރަންޏެކެވެ. އަދި ދަރަންޏަށްވާ ފައިސާ މި ގާނޫނުގައިވާ ގޮތުގެމަތިން ދައުލަތަށް ހޯދުމުގެ ބާރު މީރާއަށް ލިބިގެންވެއެވެ.

 

52. މުއްދަތު އިތުރުކުރުމުގެ ބާރު

ޓެކްސް ގާނޫނެއްގެ ދަށުން ލާޒިމްކުރާކަމެއް ކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި އެކަމެއް ނުކުރެވޭނެ ފަދަ މަގުބޫލު އުޒުރެއް މެދުވެރިވެއްޖެނަމަ، މި ގާނޫނުގެ ދަށުން ހެދޭ ގަވާއިދުގައިވާ ގޮތުގެމަތިން، އެކަންކުރުމަށް ދެވިފައިވާ މުއްދަތު އިތުރުކުރުމުގެ އިހްތިޔާރު މީރާއަށް ލިބިގެންވެއެވެ.

 

53. ޓެކްސް ދައްކަންޖެހޭ ކުޑަކުދިންނާ ގުޅޭ ޒިންމާތައް

އެއްވެސް ޓެކްސް ގާނޫނެއްގެ ދަށުން ޓެކްސް ދައްކަންޖެހޭ ފަރާތަކީ އުމުރުން 18 އަހަރު ނުފުރޭ ކުއްޖެއްނަމަ، ޓެކްސް ގާނޫނުގެ ދަށުން އެފަރާތުން ދައްކަންޖެހޭ ޓެކްސްއާއި އެހެނިހެން ޒިންމާތަކާ ހަވާލުވާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ފަރާތުންނެވެ.

 

54. ޓެކްސް ދައްކާ ފަރާތް މަރުވުން ނުވަތަ އިފްލާސްކުރުން

ޓެކްސް ގާނޫނެއްގެ ދަށުން ޓެކްސް ދައްކަންޖެހޭ ފަރާތެއް މަރުވެއްޖެނަމަ، ނުވަތަ އިފްލާސްކޮށްފިނަމަ، ޓެކްސް ގާނޫނުގެ ދަށުން އެފަރާތުން ދައްކަންޖެހޭ ޓެކްސްއާއި އެހެނިހެން ޒިންމާތަކާ ހަވާލުވާނީ
މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ފަރާތުންނެވެ.


24 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 51 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާތައް އިތުރުކުރުން.

52. ޓެކްސް ރޫލިންގ އަދި އެންގުންތައް

(ހ) ޓެކްސް ގާނޫނެއްގެ ދަށުން ހެދިފައިވާ ގަވާއިދަކަށް ބަދަލު ގެނައުމަށާއި ޓެކްސް ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމަށް ބޭނުންވާ ޓެކްސް ޕްރިންސިޕަލްތައް ބަޔާންކޮށް ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން ނެރޭ ޓެކްސް ރޫލިންގއަކީ އެ ރޫލިންގއެއް ރައްދުވާ ޓެކްސް ގާނޫނެއްގެ ދަށުން ހެދިފައިވާ ގަވާއިދުގެ ބަޔެކެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން ނެރޭ ޓެކްސް ރޫލިންގތަކަށާއި، އަދި ޓެކްސް ގާނޫނާއި ގަވާއިދުތައް އިދާރީ ގޮތުން ތަންފީޒުކުރުމުގެ ބޭނުމަށް، ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން އަންގާ އެންމެހައި އެންގުންތަކަށް ޓެކްސް ދައްކާ ފަރާތްތަކުން ފުރިހަމައަށް ތަބާވާންޖެހޭނެއެވެ.

 

53. ވަޒަންވެރިވުން

(ހ) ޓެކްސް ގާނޫނެއްގައި، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާކަމަށް ބުނެފައިވަނީ، ވަކި ފަރުދަކަށް ނިސްބަތްކޮށް ބަލާއިރު:

  1. އެ އަހަރެއްގައި 183 (ސަތޭކަ އަށްޑިހަތިނެއް) ދުވަހު، ނުވަތަ އެއަށްވުރެ ގިނަ ދުވަހަށް ދިވެހިރާއްޖޭގައި ހުރެފައިވާ މީހަކަށް؛ ނުވަތަ
  2. ދިވެހިރާއްޖޭގައި ދިރިއުޅެން ގަސްދުކޮށްގެން އެ އަހަރު ދިވެހިރާއްޖެއަށް އައިސްފައިވާ މީހަކަށް؛ ނުވަތަ
  3. އެ އަހަރު އާންމުކޮށް ދިވެހިރާއްޖޭގައި ދިރިއުޅެމުންގެންދިޔަ، އެކަމަކު އެ އަހަރު ނިމުމުގެ ކުރިން ފުރައިގެންދިޔަ މީހަކަށެވެ.

(ށ) ދިވެހިރާއްޖޭގައި ދިރިއުޅެން ގަސްދުކޮށްގެން އެ އަހަރު ދިވެހިރާއްޖެއަށް އައިސްފައިވާ މީހަކަށް؛ ނުވަތަ

(ނ) ޕާޓްނަރށިޕެއް ނުވަތަ ޓްރަސްޓްއެއް ނުވަތަ އެހެން ޖަމްއިއްޔާއެއްވެސް ދިވެހިރާއްޖޭގައި އެއްވެސް ވިޔަފާރިއެއް ހިންގާނަމަ، ޓެކްސް ގާނޫނެއްގެ މަގްސަދަށްޓަކައި ބެލެވޭނީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާކަމަށެވެ.

(ރ) ޓެކްސް ގާނޫނެއްގައި، ދިވެހިރާއްޖޭގައި ހިންގަމުންގެންދާ ކުންފުންޏެއް ބެލެވޭނީ ޓެކްސް ގާނޫނެއްގެ މަގްސަދަށްޓަކައި ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާކަމަށެވެ.

(ބ) ދިވެހިރާއްޖެއިން ބޭރުގައި އުފައްދާފައިވާ ކުންފުންޏެއްނަމަ، އެ ކުންފުނި ވަޒަންވެރިވެފައިވާ ތަނަކީ ކޮބައިކަން ނިންމާނީ އެ ކުންފުނި ހިންގުމުގެ މައިގަނޑު މަސައްކަތާއި ކޮންޓްރޯލް ހިނގަމުންދާ ތަނަކަށް ރިއާޔަތްކޮށްފައެވެ. އެތަނަކީ ކޮންތަނެއްކަން ޔަގީންކުރެވެން ނެތްނަމަ،
އެ ކުންފުނި ވަޒަންވެރިވެފައިވާ ތަންކަމަށް ބަލާނީ އެ ކުންފުންޏެއް އުފެއްދި ނުވަތަ ރަޖިސްޓްރީ ކުރެވުނު ތަނެވެ.

(ޅ) ޓެކްސް ގާނޫނެއްގެ މަގްސަދަށްޓަކައި، އެ ކުންފުނި:

  1. އެއްވެސް ވިޔަފާރިއެއް ނުހިންގާނަމަ؛ ނުވަތަ
  2. ދިވެހިރާއްޖެއިން ބޭރުގައި އުވާލެވެމުންދާނަމަ،
  3. އެ ވިޔަފާރިކުރުން ހުއްޓާލުމުގެ ހިނދުކޮޅެއް ކުރިންވެސް، ނުވަތަ އެ ކުންފުނީގެ ކަންތައްތަކުގެ ތެރެއިން އެއްވެސް ބައެއް، ދިވެހިރާއްޖޭގައިނަމަ ކުންފުނި އުވާލުމަށް ހަވާލުވާ މީހާ ކުރާނެކަހަލަ މަސައްކަތެއް ކުރާ މީހެއްގެ ބެލުމުގެ ދަށަށް ދިއުމުގެ ކުރިން ބެލެވިފައިވަނީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ކުންފުންޏެއްގެ ގޮތުގައިކަމަށް ވަނީނަމަ، އަދިވެސް ބަލާނީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާކަމަށެވެ.


25 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 52 ވަނަ މާއްދާއަށް އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކުގެ މާނަކުރުންތައް އިތުރުކުރުން.

 
"މިނިސްޓަރ" ކަމަށް ބުނެފައިއެވަނީ، ދައުލަތުގެ މާލިއްޔަތުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މިނިސްޓަރަށެވެ.
 
"ޓެކްސް ދައްކާ ފަރާތް" ކަމަށް ބުނެފައިއެވަނީ، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ޖީ.އެސް.ޓީ ދައްކާ ފަރާތާއި، ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ސީ.ޕީ.ޓީ ދައްކާ ފަރާތާއި، ފަރުދުންގެ އާމްދަނީން ޓެކްސް ނެގުމާގުޅޭ ގާނޫނުގެ ދަށުން ޕީ.އައި.ޓީ ދައްކާ ފަރާތާއި، އެއިން ގާނޫނެއްގެ ދަށުން ވިތްހޯލްޑިންގ ޓެކްސް ދައްކަންޖެހޭ ފަރާތްތައް ހިމެނޭ ގޮތުންނެވެ.
 
"ޓެކްސް ގާނޫނެއް" ކަމަށް ބުނެފައިއެވަނީ، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު ނުވަތަ ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު ނުވަތަ ފަރުދުންގެ އާމްދަނީން ޓެކްސް ނެގުމާގުޅޭ ގާނޫނަށެވެ.
 
"ޓެކްސް ބަޔާން" ކަމަށް ބުނެފައިއެވަނީ، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ޖީ.އެސް.ޓީ ބަޔާނާއި، ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ސީ.ޕީ.ޓީ ބަޔާނާއި، ފަރުދުންގެ އާމްދަނީން ޓެކްސް ނެގުމާގުޅޭ ގާނޫނުގައި ބަޔާންކޮށްފައިވާ ޕީ.އައި.ޓީ ބަޔާނާއި، އެއިން ގާނޫނެއްގެ ދަށުން ހުށަހަޅަންޖެހޭ ވިތްހޯލްޑިންގ ޓެކްސްގެ ބަޔާން ހިމެނޭ ގޮތުންނެވެ.
 
"ކުންފުނިތަކުގެ ގްރޫޕް" ކަމަށް ބުނެފައިއެވަނީ، ހޯލްޑިންގ ކުންފުންޏާއި ސަބްސިޑިއަރީ ކުންފުނިތައް ހިމެނޭ ގްރޫޕަކަށެވެ.
 
"ގުޅުންހުރި ފަރާތް" ކަމަށް އެއްވެސް ޓެކްސް ގާނޫނެއްގައި ބުނެފައިއެވަނީ:

  1. އެފަރާތެއްގެ އެއްވެސް ތިމާގެ މީހެއް؛
  2. އެ ގްރޫޕުގައި ހިމެނޭ އެހެން ކުންފުންޏެއް؛
  3. އެފަރާތަކާއެކު ޕާޓްނަރށިޕެއްގައި ހިމެނޭ ފަރާތެއް؛
  4. އެފަރާތަކީ، އެ ކުންފުނީގެ އެއްވެސް ހިއްސާއެއް ނުވަތަ ޒިންމާއެއްގައި އެއްވެސް މަސްލަހަތެއް ލިބިފައިވާ މީހެއްނަމަ، އެ ހިއްސާތަކާ މަސްއޫލިއްޔަތުގައި މަސްލަހަތެއް ލިބިފައިވާ އެހެން އެއްވެސް ފަރާތެއް، މިއެވެ.

 
"ތިމާގެ މީހާ" ކަމަށް އެއްވެސް ޓެކްސް ގާނޫނެއްގައި ބުނެފައިއެވަނީ:

  1.  އެމީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާ؛ ނުވަތަ
  2. މާމަ، ކާފަ، މަންމަ، ބައްޕަ، ދަރިއެއް، އެއްބަނޑުއެއްބަފާ މީހެއް، އެއްބަނޑު ނުވަތަ އެއްބަފާ މީހެއް.


26 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 52 ވަނަ މާއްދާގެ (ހ) ގައި ހިމަނާފައިވާ ވަޒަންވެރިވުމުގެ ދެ މާނަ އުނިކުރުމަށް.

 

27 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގައި "އެމް.އައި.އާރ.އޭ" މިހެން ހުރި ތަންތަން "މީރާ" މިގޮތަށް ބަދަލުކުރަން.

 

28 ވަނަ މާއްދާ - މި ގާނޫނުން ބުނެވިދިޔަ ގާނޫނަށް އިތުރުކުރާ މާއްދާތަކާއި ބާބުތަކާ ގުޅިގެން އެ ގާނޫނުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.

 

29 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ވަކި މާއްދާއަކަށް ނުވަތަ ވަކި މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަން، މި ގާނޫނުން ގެންނަ އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން.

 

30 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު (ނޫނު ނަންބަރު 2010-03)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު