-

 ދިވެހިރާއްޖޭގެ ގައުމީ އަރުށީފުގެ ގާނޫނު

(ގާނޫނު ނަންބަރު 2011-16)

 

އެއްވަނަ ބައި

ފެށުން

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ ދިވެހި ދައުލަތުގެ ރަސްމީ ރިކޯޑުތަކުގެ ތެރެއިން އަރުށީފީ އަގު ހުރިކަމުގައި، ގައުމީ އަރުށީފު އޮފީހުން ކަނޑައަޅާ ރިކޯޑުތަކެވެ.

(ށ) މި ގާނޫނަށް ކިޔާނީ "ދިވެހިރާއްޖޭގެ ގައުމީ އަރުށީފުގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - ދައުލަތުގެ ރަސްމީ ލިޔެކިޔުންތައް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު

ދިވެހި ދައުލަތުގެ ރަސްމީ ލިޔެކިޔުންތަކާއި، ފޮޓޯތަކާއި، ޗާޓުތަކާއި، ރިކޯޑުތަކާއި، މައުލޫމާތު މި ގާނޫނުގައިވާ ގޮތުގެމަތިން ރައްކާތެރިކޮށް ބެލެހެއްޓުމަކީ އެ ތަކެތި ބެލެހެއްޓުން ހަވާލުވެފައިވާ ކޮންމެ މީހެއްގެ ވާޖިބެކެވެ.

 

3 ވަނަ މާއްދާ - މި ގާނޫނާ އެއްގޮތަށް އަމަލުކުރުން

ދިވެހި ދައުލަތުގެ ރަސްމީ ލިޔެކިޔުންތަކާއި، ފޮޓޯތަކާއި، ޗާޓުތަކާއި، ރިކޯޑުތަކާއި، މައުލޫމާތު ބަލަހައްޓަންވާނީ މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިންނެވެ. މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މެނުވީ ދިވެހި ދައުލަތުގެ ރަސްމީ ލިޔެކިޔުންތަކާއި، ފޮޓޯތަކާއި، ޗާޓުތަކާއި، ރިކޯޑުތަކާއި، މައުލޫމާތު ނައްތާލައިގެންނުވާނެއެވެ.

 

 

ދެވަނަ ބާބު

 ގައުމީ އަރުށީފު އުފެއްދުމާއި އިދާރީ ކަންކަން

 

 

4 ވަނަ މާއްދާ - ގައުމީ އަރުށީފު އުފެއްދުން

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު "ގައުމީ އަރުށީފު" ގެ ނަމުގައި ދައުލަތުގެ މުއައްސަސާއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަންވާނެއެވެ. މި މުއައްސަސާގެ ނަން އިނގިރޭސިބަހުން ބޭނުން ކުރަންވާނީ "ނެށަނަލް އާރކައިވްސް" މިގޮތަށެވެ.

 

5 ވަނަ މާއްދާ - ގާނޫނީ ށަހްސިއްޔަތު

ގައުމީ އަރުށީފަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ހައްގު ލިބިގެންވާ ވަކި ސިއްކައެއް އޮންނަ މިނިވަން ގާނޫނީ ށަހްސެކެވެ.

 

6 ވަނަ މާއްދާ - މަސްއޫލިއްޔަތު

ގައުމީ އަރުށީފުގެ މަސްއޫލިއްޔަތުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

(ހ) މި ގާނޫނުގެ ދަށުން ގައުމީ އަރުށީފުގައި ބަހައްޓަންޖެހޭ އެންމެހައި ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން؛

(ށ) މި ގާނޫނުގެ ދާއިރާގައި ނުހިމެނޭ، އެހެން ނަމަވެސް ދިވެހިރާއްޖެއާއި ދިވެހިންނާ ގުޅުންހުރި އެންމެހައި ލިޔެކިޔުންތަކާއި، ރިކޯޑުތަކާއި، ފޮޓޯ ފަދަ ތަކެތި ރައްކާކުރަން ހިތްވަރުދިނުން؛

(ނ) މި ގާނޫނުގައި ބަޔާންވެފައިވާ ކަންކަމުގެ އިތުރުންވެސް މި ގާނޫނުގެ މަގްސަދު ހާސިލުކުރުމަށްޓަކައި ގައުމީ އަރުށީފުގައި ބަހައްޓަންޖެހޭ ލިޔުންތަކާއި، ރިކޯޑުތަކާއި، ފޮޓޯ ފަދަ ތަކެއްޗަކީ ކޮބައިކަން ކަނޑައެޅުން؛

(ރ) ގައުމީ އަރުށީފުގައި ބަހައްޓާ ތަކެތި ބެހެއްޓިފައިވަނީ، ރިކޯޑާއި މައުލޫމާތު ގެންގުޅެ ބެލެހެއްޓުމުގެ ސިޔާސަތެއްގެ ދަށުން (ބައިނަލްއަގްވާމީ މިންގަނޑުތަކަށް ބިނާކޮށް) ، ކަނޑައެޅިފައިވާ މިންގަނޑަށް، ރާއްޖޭގެ އިގްތިސާދީ ހާލަތު ތަންދޭ، އެންމެ ޒަމާނީ ގޮތަށާއި ފެންވަރުގައިތޯ ބެލުން؛

(ބ) ގައުމީ އަރުށީފުގައި ބަހައްޓާ ތަކެތި ލުއިފަސޭހަކަމާއެކު ބެލޭނެ އިންތިޒާމު ހަމަޖެއްސުން؛

(ޅ) ގައުމީ އަރުށީފުގައި ބަހައްޓާ ތަކެއްޗާމެދު ރައްޔިތުން ށައުގުވެރިކުރުވުން؛

(ކ) ގައުމީ އަރުށީފުގައި ބަހައްޓާ ތަކެތި އެންމެ އެދެވޭގޮތެއްގައި ރައްކާކުރެވޭނެ ގޮތްތައް ހޯދައި ދިރާސާކުރުން؛

(އ) ގާނޫނުގައިވާ ގޮތުގެމަތިން ގައުމީ އަރުށީފުގައި ރައްކާކުރެވޭ ތަކެތީގެ ފިކުރީ މުދަލުގެ މިލްކުވެރިކަން ހޯދުން؛

(ވ) ފިކުރީ މުދަލުގެ ހައްގުތަކާ ހިލާފުނުވާނެ ގޮތުގެމަތިން ގައުމީ އަރުށީފުގައި ބަހައްޓާ ތަކެތީގެ އިތުރު ކޮޕީހެއްދުން؛

(މ) ފިކުރީ މުދަލުގެ ހައްގުތަކާ ހިލާފުނުވާނެ ގޮތުގެމަތިން ގައުމީ އަރުށީފުގައި ބަހައްޓާ ތަކެތި ށާއިއުކުރުން؛

(ފ) މި ގާނޫނުގެ ދަށުން ގައުމީ އަރުށީފުގައި ބަހައްޓަންޖެހޭ ދައުލަތުގެ މުއައްސަސާތަކުގެ ރިކޯޑުތައް ގައުމީ އަރުށީފާ ހަވާލުކުރެވެންދެން ބަލަހައްޓަންވާ ގޮތް އެ މުއައްސަސާއަކަށް އެންގުން؛

(ދ) ގައުމީ އަރުށީފުގައި ބަހައްޓާ ތަކެތީގެ އިންޑެކްސާއި ފަސޭހަކަމާއެކު އެފަދަ ތަކެތި ބޭނުންކުރެވޭނޭ ގޮތުގެ އަތްމަތީ ފޮތްތަކާއި، ލީފްލެޓާއި ގައިޑު ފަދަ ތަކެތި ށާއިއުކުރުން؛

(ތ) ދައުލަތުގެ ލިޔެކިޔުންތަކާއި ރިކޯޑުތަކުގެ ތެރެއިން ނައްތާލަންޖެހޭ ރިކޯޑުތަކާއި އެ ރިކޯޑުތައް ނައްތާލަންޖެހޭ ގޮތް ކަނޑައެޅުން؛

(ލ) ދައުލަތުގެ މުއައްސަސާތަކުގައި ލިޔެކިޔުންތަކާއި ރިކޯޑު ފަދަ ތަކެތި ބަލަހައްޓާ ފަރާތްތަކަށް ބޭނުންވާ ތަމްރީނު ފޯރުކޮށްދިނުން؛

(ގ) ގައުމީ އަރުށީފުގައި ބަހައްޓާ ތަކެތީގެ ބޭނުން އެންމެ އެދެވޭގޮތެއްގައި ހިފުމަށްޓަކައި ބޭނުންވާ ވަސީލަތްތައް ހޯދައި ބެލެހެއްޓުން؛

(ޏ) ގައުމީ އަރުށީފުގައި ބަހައްޓާ ތަކެތީގެ ބޭނުންކުރާ ފަރާތްތަކަށް އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުން؛

(ސ) މަތީގައި ބަޔާންކުރެވުނު ކަންކަމުގެ އިތުރުންވެސް މި ގާނޫނުގެ މަގްސަދާއި ގައުމީ އަރުށީފާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަންކުރުން.

 

7 ވަނަ މާއްދާ - ހިންގުމުގެ ޒިންމާ

(ހ) ގައުމީ އަރުށީފުގެ ކަންކަން ބެލެހެއްޓުން ރައީސުލްޖުމްހޫރިއްޔާ ހަވާލުކޮށްފައިވާ ވުޒާރާއެއްގެ ވަޒީރުގެ ބެލުމުގެ ދަށުން ގައުމީ އަރުށީފު ހިންގައި ބެލެހެއްޓުމުގެ ޒިންމާ އަދާކުރާނީ ގައުމީ އަރުށީފުގެ ޑިރެކްޓަރ ޖެނެރަލެވެ.

(ށ) ގައުމީ އަރުށީފުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް މީހަކު އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

(ނ) ގައުމީ އަރުށީފުގެ ޑިރެކްޓަރ ޖެނެރަލްގެ މަސްއޫލިއްޔަތު އަދާކުރާނީ  މި ގާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެޑްވައިޒަރީ ބޯޑުގެ މަށްވަރާގެމަތިންނެވެ.

 

8 ވަނަ މާއްދާ - ގައުމީ އަރުށީފުގެ ޑިރެކްޓަރ ޖެނެރަލްގެ މަސްއޫލިއްޔަތާއި ވާޖިބު

ގައުމީ އަރުށީފުގެ ޑިރެކްޓަރ ޖެނެރަލްގެ މަސްއޫލިއްޔަތާއި ވާޖިބުތައް ތިރީގައި މިވަނީއެވެ.

(ހ) ގައުމީ އަރުށީފުގެ މަގްސަދާއި މަސްއޫލިއްޔަތުތަކާ އެއްގޮތްވާ ގޮތުގެމަތިން  ގައުމީ އަރުށީފު ހިންގުން؛

(ށ) ގައުމީ އަރުށީފުގެ ހަރަކާތްތައް ހިނގަމުންދަނީ މަގްސަދާ އެއްގޮތްވާ ގޮތުގެމަތިންތޯ ބެލުން.

 

9 ވަނަ މާއްދާ - ދައުރު

ގައުމީ އަރުށީފުގެ ޑިރެކްޓަރ ޖެނެރަލް އައްޔަންކުރާނީ 5 (ފަހެއް)  އަހަރުގެ ދައުރަކަށެވެ. އަދި 5 (ފަހެއް)  އަހަރުން 5 (ފަހެއް)  އަހަރުން، އެ މަގާމަށް އައްޔަންކުރެވޭ މީހެއްގެ ވަޒީފާގެ މުއްދަތު އިތުރުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.

 

10 ވަނަ މާއްދާ - ޑިރެކްޓަރ ޖެނެރަލް މަގާމުން ވަކިވުން

މި މާއްދާގައި ބަޔާންކުރާ ހާލަތެއް މެދުވެރިވެއްޖެނަމަ ގައުމީ އަރުށީފުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައި ހުންނަ މީހަކު، މަގާމުން ވަކިވީއެވެ.

(ހ) މަގާމުން ވަކިވާން އެދި ރައީސުލްޖުމްހޫރިއްޔާއަށް ސިޓީ ފޮނުވުން؛

(ށ) މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނުން؛

(ނ) މަރުވުން ނުވަތަ މަގާމުގެ ވާޖިބު އަދާނުކުރެވޭ މިންވަރަށް ދާއިމަށް ނުކުޅެދިއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނުން؛

(ރ) މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭކަމަށް ބޯޑުން ނިންމުން.

 

11 ވަނަ މާއްދާ - މުވައްޒަފުންގެ ހައިސިއްޔަތު

ގައުމީ އަރުށީފުގެ ޑިރެކްޓަރ ޖެނެރަލާއި ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރާ މީހުން ފިޔަވައި އަރުށީފުގައި ވަޒީފާ އަދާކުރާ މީހުންނަކީ ސިވިލް ސަރވިސްގެ މުވައްޒަފުންނެވެ. އަދި އެ މުވައްޒަފުންނާ މެދު އަމަލުކުރާނީ ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގައިވާ ގޮތުގެމަތިންނެވެ.

 

12 ވަނަ މާއްދާ - އެޑްވައިޒަރީ ބޯޑު އެކުލަވާލުން

ގައުމީ އަރުށީފުގެ ކަންކަން އެންމެ އެދެވޭގޮތުގައި ހިންގުމަށްޓަކައި ގައުމީ އަރުށީފުގެ ޑިރެކްޓަރ ޖެނެރަލަށް މަށްވަރާދިނުމުގެ ގޮތުން އެޑްވައިޒަރީ ބޯޑެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަންވާނެއެވެ.

 

13 ވަނަ މާއްދާ - އެޑްވައިޒަރީ ބޯޑު އެކުލެވިގެންވާ ގޮތް

އެޑްވައިޒަރީ ބޯޑު އެކުލެވޭނީ އަންނަނިވި ފަރާތްތަކުގެ މައްޗަށެވެ.

(ހ) ރައްޔިތުންގެ މަޖިލީހުގެ އިދާރީ އިސް މުވައްޒަފުންގެ ތެރެއިން މަޖިލީހުގެ ރައީސް ކަނޑައަޅާ މުވައްޒަފެއް؛

(ށ) ސަރުކާރުގެ މަތީ ތައުލީމު ފޯރުކޮށްދޭ މުއައްސަސާތަކުގެ އިސްވެރިންގެ ތެރެއިން މިނިސްޓަރު ކަނޑައަޅާ މެންބަރެއް؛

(ނ) މަތީ ތައުލީމު ފޯރުކޮށްދޭ އަމިއްލަ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެންބަރެއް؛

(ރ) ގައުމީ ކުތުބުހާނާގެ އެންމެ އިސްވެރިޔާ؛

(ބ) ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއިން ކަނޑައަޅާ މެންބަރެއް؛

(ޅ) ށަރުއީ ދާއިރާގެ އިދާރީ އިސް މުވައްޒަފުންގެ ތެރެއިން އުއްތަމަ ފަނޑިޔާރު ކަނޑައަޅާ މުވައްޒަފެއް؛

(ކ) ދައުލަތުގެ ބްރޯޑްކާސްޓްކުރުމުގެ މުއައްސަސާގެ މުވައްޒަފުންގެ ތެރެއިން
މި ދާއިރާގެ ތަޖުރިބާކާރު މުވައްޒަފެއް؛

(އ) ގައުމީ އަރުށީފުގެ ޑިރެކްޓަރ ޖެނެރަލް؛

(ވ) ދާއިރާގެ ތަޖުރިބާ ހުރި އަމިއްލަ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މީހެއް.

 

14 ވަނަ މާއްދާ - ރައީސާއި ނައިބުރައީސް

އެޑްވައިޒަރީ ބޯޑުގެ މެންބަރުންގެ ތެރެއިން އެ މެންބަރުން އިންތިހާބުކުރާ ރައީސަކާއި ނައިބުރައީސަކު ހުންނަންވާނެއެވެ. ބޯޑުގެ މެންބަރެއްގެ ގޮތުގައި ގައުމީ އަރުށީފުގެ ޑިރެކްޓަރ ޖެނެރަލް ހިމެނުނު ނަމަވެސް ބޯޑުގެ ރައީސާއި ނައިބުރައީސްގެ މަގާމަށް ގައުމީ އަރުށީފުގެ ޑިރެކްޓަރ ޖެނެރަލް އިންތިހާބެއް ނުކުރެވޭނެއެވެ.

 

15 ވަނަ މާއްދާ - ރިޔާސަތު ބެލެހެއްޓުން

އެޑްވައިޒަރީ ބޯޑުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ އެޑްވައިޒަރީ ބޯޑުގެ ރައީސެވެ. ރައީސް ނެތްނަމަ ނުވަތަ ރައީސް އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އުޒުރުވެރިވެއްޖެނަމަ ރިޔާސަތު ބަލަހައްޓާނީ ނައިބުރައީސެވެ.

 

16 ވަނަ މާއްދާ - ޔައުމިއްޔާ ބެލެހެއްޓުން

އެޑްވައިޒަރީ ބޯޑުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބަލަހައްޓަންވާނެއެވެ.

 

17 ވަނަ މާއްދާ - ބައްދަލުވުންތައް ބޭއްވުން

އެޑްވައިޒަރީ ބޯޑުގެ ބައްދަލުވުމެއް މަދުވެގެން އަހަރަކު 4 (ހަތަރެއް)  ފަހަރު ބާއްވަންވާނެއެވެ.

 

18 ވަނަ މާއްދާ - އެޑްވައިޒަރީ ބޯޑުގެ ބައްދަލުވުމަކަށް އެދުން

އެޑްވައިޒަރީ ބޯޑުގެ ބައްދަލުވުމެއް ބާއްވަން އެދި އެޑްވައިޒަރީ ބޯޑުގެ 4/1 (ހަތަރުބައިކުޅަ އެއްބައި)  މެންބަރުން ހުށަހެޅުމުން އެފަދަ ބައްދަލުވުމެއް ގިނަވެގެން 14 (ސާދަ)  ދުވަހުގެ ތެރޭގައި ބާއްވަންވާނެއެވެ.

 

19 ވަނަ މާއްދާ - މަގާމު ހުސްވުމުން އައްޔަންކުރަންޖެހޭ ގޮތް

އެޑްވައިޒަރީ ބޯޑުގެ މެންބަރަކު މަގާމުން އިސްތިއުފާދީފިނަމަ ނުވަތަ އެއްވެސް ސަބަބަކާ ހުރެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އުޒުރުވެރިވެއްޖެނަމަ ގިނަވެގެން 60 (ފަސްދޮޅަސް)  ދުވަހުގެ ތެރޭގައި އެ މަގާމަށް އަލުން މީހަކު އައްޔަންކުރަންޖެހޭނެއެވެ.

 

20 ވަނަ މާއްދާ - މެންބަރުން އިސްތިއުފާދިނުން

އެޑްވައިޒަރީ ބޯޑުގެ މެންބަރަކު މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ ބޯޑުގެ ރައީސަށް ފޮނުވާ ސިޓީއަކުން އިސްތިއުފާދެވިދާނެއެވެ. އަދި ބޯޑުގެ ރައީސް އިސްތިއުފާދޭން ބޭނުންނަމަ ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާ ސިޓީއަކުން އިސްތިއުފާދެވިދާނެއެވެ.

 

 

ތިންވަނަ ބާބު

 އަރުށީފުކުރަންޖެހޭ ދައުލަތުގެ ލިޔެކިޔުމާއި މައުލޫމާތު

 

21 ވަނަ މާއްދާ - ރައްޔިތުންގެ މަޖިލީހުގެ ލިޔުންތައް

ރައްޔިތުންގެ މަޖިލީހުގެ އަންނަނިވި ލިޔެކިޔުންތަކާއި ރިކޯޑުތައް އަރުށީފުގައި ބެހެއްޓުމަށްޓަކައި މަޖިލީހުގެ އިދާރާއިން ރައްކާތެރިކަމާއެކު ބަލަހައްޓަންވާނެއެވެ.

(ހ) ރައްޔިތުންގެ މަޖިލީހާއި އެ މަޖިލީހުގެ ކޮމިޓީތަކުގެ ޔައުމިއްޔާ؛

(ށ) ރައްޔިތުންގެ މަޖިލީހާއި އެ މަޖިލީހުގެ ކޮމިޓީތަކުގެ ބައްދަލުވުންތަކުގައި ވޯޓުދޭގޮތާއި ހާޒިރީގެ ތަފްސީލު؛

(ނ) މަޖިލީހަށް ހުށަހަޅާ ބިލުތަކާއި، މައްސަލަތަކާއި، ގަރާރުތަކާއި، ޕެޓިށަންތަކާއި، ވަޒީރުންނާ ކުރާ ސުވާލުތަކާއި އެ ސުވާލުތަކަށް ވަޒީރުން ދޭ ޖަވާބު؛

(ރ) މަޖިލީހުން ފާސްކުރާ ބިލުތަކާއި، ނިންމާ ނިންމުންތަކާއި އެ ނިންމި ގޮތުގެ ތަފްސީލު؛

(ބ) ރައްޔިތުންގެ މަޖިލީހުގައާއި އެ މަޖިލީހުގެ ކޮމިޓީތަކުގައި ހިންގާ ކަންކަމާއި ދައްކާ ވާހަކައާއި ލިޔެކިޔުންތަކާއި ފޮޓޯތަކާއި އޯޑިއޯ އަދި ވީޑިއޯ ރިކޯޑުތައް.

(ޅ) މި ގާނޫނުގެ 1 ވަނަ މާއްދާގެ (ހ)  ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދައުލަތުގެ އެންމެހައި މުއްސަސާއަކުންވެސް އަރުށީފަށް ގެންދަންވާނީ ދައުލަތުގެ ރަސްމީ ރިކޯޑުތަކުގެ ތެރެއިން އަރުށީފީ އަގު ހުރިކަމުގައި، ގައުމީ އަރުށީފު އޮފީހުން ކަނޑައަޅާ ރިކޯޑުތަކެވެ.

 

22 ވަނަ މާއްދާ - ވަޒީރުންގެ މަޖިލީހުގެ ލިޔުންތައް

ވަޒީރުންގެ މަޖިލީހުގެ އަންނަނިވި ލިޔެކިޔުންތަކާއި ރިކޯޑުތައް އަރުށީފުގައި ބެހެއްޓުމަށްޓަކައި ރައްކާތެރިކަމާއެކު ބަލަހައްޓަންވާނެއެވެ.

(ހ) ވަޒީރުންގެ މަޖިލީހަށް ހުށަހަޅާ ކަރުދާސް؛

(ށ) ކެބިނެޓް ސެކްރެޓަރީގެ ނޯޓު؛

(ނ) ވަޒީރުންގެ މަޖިލީހުގައި ހިންގާ ކަންކަމާއި ދައްކާ ވާހަކައާއި ލިޔެކިޔުންތަކާއި ފޮޓޯތަކާއި އޯޑިއޯ އަދި ވީޑިއޯ ރިކޯޑުތައް؛

(ރ) ވަޒީރުންގެ މަޖިލީހުން ނިންމާ ނިންމުންތަކާއި އެ މަޖިލީހުގެ ޔައުމިއްޔާ؛

(ބ) ގައުމީ އަރުށީފު އޮފީހުން ކަނޑައަޅާ އުސޫލުގެ ދަށުން އަރުށީފުކުރުމުގެ ހައިސިއްޔަތު ލިބޭ ރިކޯޑުތައް.

 

23 ވަނަ މާއްދާ - ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކުގެ ލިޔެކިޔުންތައް

ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކުގެ ލިޔެކިޔުންތަކުގެ ތެރެއިން މި މާއްދާގައި ބަޔާންކުރާ އެންމެހައި ލިޔެކިޔުންތަކާއި ރިކޯޑުތައް އަރުށީފުގައި ބެހެއްޓުމަށްޓަކައި ރައްކާތެރިކަމާއެކު ބަލަހައްޓަންވާނެއެވެ.

(ހ) ޓްރައިބިއުނަލްތަކަށާއި ކޮމިށަންތަކަށް ހުށަހަޅާ އެންމެހައި މައްސަލަތަކާއި
އެ މައްސަލަތަކާ ގުޅިގެން ހުށަހަޅާ ބަޔާންތައް؛

(ށ) ޓްރައިބިއުނަލްތަކަށާއި ކޮމިށަންތަކަށް ހުށަހަޅާ އެންމެހައި މައްސަލަތަކާ ގުޅިގެން ހުށަހަޅާ ލިޔެކިޔުންތަކާއި، ފޮޓޯތަކާއި، އޯޑިއޯ އަދި ވީޑިއޯ ރިކޯޑުތައް؛

(ނ) ޓްރައިބިއުނަލްގެ ނުވަތަ ކޮމިށަންގެ ނިންމުންތަކާއި، އަމުރުތަކާއި، ހުކުމްތައް؛

(ރ) ގައުމީ އަރުށީފު އޮފީހުން ކަނޑައަޅާ އުސޫލުގެ ދަށުން އަރުށީފުކުރުމުގެ ހައިސިއްޔަތު ލިބޭ ރިކޯޑުތައް.

 

24 ވަނަ މާއްދާ - ދައުލަތުގެ މުއައްސަސާތަކުން ކުރާ މަސައްކަތްތަކާ ގުޅޭ ލިޔުންތައް

އަންނަނިވި ލިޔެކިޔުންތަކާއި ރިކޯޑުތަކާއި ކަންކަމުގެ މައުލޫމާތަކީ އަރުށީފުގައި ބެހެއްޓުމަށްޓަކައި، ދައުލަތުގެ އެންމެހައި މުއައްސަސާތަކުން އެ މުއައްސަސާގެ މަސައްކަތުގެ ދާއިރާއިން ކުރާ ކަންކަމާ ގުޅުންހުރި މިންވަރަކުން، ރައްކާތެރިކަމާއެކު ބަހައްޓަންޖެހޭ ލިޔެކިޔުންތަކާއި ރިކޯޑުތަކެވެ.

(ހ) ދިވެހިރާއްޖެއާއި، ރާއްޖޭގެ އަތޮޅުތަކާއި، ރަށްތަކާއި، އަވަށްތަކުގެ ތާރީހް؛

(ށ) ދައުލަތުގެ މުއައްސަސާއެއް އުފެދުނު ގޮތް؛

(ނ) އެ މުއައްސަސާއެއްގެ ތާރީހް؛

(ރ) އެ މުއައްސަސާއަކުން ކުރަމުންއައި ކަންކަން؛

(ބ) އެ މުއައްސަސާއެއްގެ އޯގަނައިޒޭށަން ޗާޓު؛

(ޅ) އެ މުއައްސަސާއަކުން ތައްޔާރުކުރި އަހަރީ ބަޖެޓާއި ފާސްވި ބަޖެޓް؛

(ކ) އެ މުއައްސަސާއަކުން އެކުލަވާލާފައިވާ ގަވާއިދުތަކާއި އަމަލުކުރާ އުސޫލުތައް؛

(އ) އެ މުއައްސަސާއަކުން ބާއްވާ ހަފުލާތައް؛

(ވ) އެ މުއައްސަސާއަކަށް ޒިޔާރަތްކުރާ، ރާއްޖެއާއި ރާއްޖެއިން ބޭރުގެ މެހުމާނުންގެ މައުލޫމާތު؛

(މ) އެ މުއައްސަސާތަކުގެ މުވައްޒަފުންނާއި އަދި އެފަދަ މުއައްސަސާއަކާ ކޮންޓްރެކްޓް އުސޫލުން ނަމަވެސް އެއްވެސް އިރެއްގައި ގުޅުންހުރި މީހަކުނަމަ އެފަދަ މީހެއްގެ މައުލޫމާތާއި އެފަދަ މީހަކު ކުރި މަސައްކަތް؛

(ފ) ދިވެހިރާއްޖެ ނުވަތަ ދައުލަތުގެ ވަކި މުއައްސަސާއަކުން ބައިވެރިވާ ސަރަހައްދީ ނުވަތަ ބައިނަލްއަގްވާމީ ޖަމްއިއްޔާތަކުގެ ތާރީހުގެ ތެރެއިން ދިވެހިރާއްޖޭގައި ރައްކާކުރަން ފެންނަކަމަށް ގައުމީ އަރުށީފުގެ ޑިރެކްޓަރ ޖެނެރަލް ނިންމާ ތަކެތި؛

(ދ) އާންމުން ފޮނުވާ ސިޓީތަކާއި އެފަދަ ސިޓީތަކަށް ދޭ ޖަވާބު؛

(ތ) އެ މުއައްސަސާގެ ފަރާތުން ދޭ ބަސްދީގަތުންތަކާއި، ބާއްވާ ނޫސް ކޮންފަރެންސްތަކާއި، ނެރޭ ނޫސް ބަޔާން ފަދަ ތަކެތި؛

(ލ) ހޭދަކުރި ފައިސާގެ ރަސީދު؛

(ގ) ކުރި އިއުލާންތައް؛

(ޏ) އެކުލަވާލި ގާނޫނުތަކާއި ގަވާއިދުތައް؛

(ސ) ފެނާއި، ކަރަންޓާއި، ޓެލެފޯނު ފަދަ ބިލުތައް؛

(ޑ) ޔައުމިއްޔާ؛

(ޒ) މެމޯއާއި، ނޯޓާއި، އީމެއިލް؛

(ޓ) އަހަރީ ރިޕޯޓު؛

(ޔ) ކޮށްފައިވާ އެގްރީމަންޓްތައް؛

(ޕ) އޮފީހުގެ ފަރާތުން ބޭރުގެ ގައުމުތަކަށް ކުރާ ދަތުރުތަކުގެ ތަފްސީލު؛

(ޖ) ބޭރުގެ ގައުމުތަކުގެ ވެރިންނަށާއި، ފަރުދުންނަށާއި، ޖަމްއިއްޔާ ޖަމާއަތްތަކަށް ފޮނުވާ މެސެޖާއި އަދި އެ ފަރާތްތަކުން ފޮނުވާ އެފަދަ ތަކެތި؛

(ޗ) ތަމްރީނުކުރާ ކޯސްތަކާއި އެފަދަ ކޯސްތަކުގައި ބައިވެރިވާ ފަރާތްތަކުގެ ތަފްސީލު؛

(ހހ) ފަތްކޮޅުތަކާއި އެ ފަތްކޮޅުތައް އެރުވި ފަރާތްތަކުގެ ތަފްސީލު؛

(ށށ) އެކިއެކި ފަރާތްތަކަށް ދޭ ހަނދާނީ ލިޔުމާއި، ހަދިޔާއާއި، އިނާމާއި، މެޑެލް ފަދަ ތަކެއްޗާއި އެ ތަކެތި ލިބޭ ފަރާތްތަކުގެ ތަފްސީލު؛

(ނނ) ދައުލަތުގެ މުއައްސަސާތަކާއި، އެ މުއައްސަސާތަކުގެ މުވައްޒަފުންނަށް ބޭރުގެ ގައުމުތަކުންނާއި، ޖަމާއަތްތަކުންނާއި، ފަރުދުން ދޭ ހަނދާނީ ލިޔުމާއި، ހަދިޔާއާއި، އިނާމާއި، މެޑެލް ފަދަ ތަކެއްޗާއި އެ ތަކެތި ދޭ ފަރާތްތަކާއި ލިބޭ ފަރާތްތަކުގެ ތަފްސީލު؛

(ރރ) މަތީގައި ބަޔާންކުރެވުނު އެއްވެސް ކަމަކާ ގުޅޭގޮތުން ނަގާ ފޮޓޯތަކާއި، އަޑު ނުވަތަ މަންޒަރު ނުވަތަ އަޑާއި މަންޒަރު ރިކޯޑުކުރެވިފައިވާނަމަ އެފަދަ ތަކެތީގެ ރިކޯޑިންގ.

(ބބ) ގައުމީ އަރުށީފު އޮފީހުން ކަނޑައަޅާ އުސޫލުގެ ދަށުން އަރުށީފުކުރުމުގެ ހައިސިއްޔަތު ލިބޭ ރިކޯޑުތައް؛

 

25 ވަނަ މާއްދާ - ރިކޯޑުތައް ބަލަހައްޓަންޖެހޭ މުއްދަތު

(ހ) އެނޫން ގޮތަކަށް ގައުމީ އަރުށީފުގެ ޑިރެކްޓަރ ޖެނެރަލް ކަނޑަނާޅާހާހިނދަކު، މި ގާނޫނުގެ 21 ވަނަ މާއްދާއާއި، 22 ވަނަ މާއްދާއާއި، 23 ވަނަ މާއްދާ އަދި 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލިޔެކިޔުމާއި ތަކެތި 25 (ފަންސަވީސް)  އަހަރު ވަންދެން
އެ މުއައްސަސާއެއްގައި ރައްކާތެރިކަމާއެކު ބަލަހައްޓަންވާނެއެވެ.

(ށ) މި މާއްދާގެ (ހ)  ގައިވާ މުއްދަތު ފާއިތުވުމުން އެފަދަ ތަކެތި ގައުމީ އަރުށީފަށް ފޮނުވަންވާނެއެވެ.

 

26 ވަނަ މާއްދާ - ދާއިމަށް ބަހައްޓާނޭ ލިޔެކިޔުމާއި ރިކޯޑުތަކާއި ތަކެތި

(ހ) މި ގާނޫނުގެ 25 ވަނަ މާއްދާގައިވާ ގޮތުގެމަތިން 25 (ފަންސަވީސް)  އަހަރުވުމުން އަރުށީފަށް ފޮނުވާ  ލިޔެކިޔުންތަކާއި ރިކޯޑުތަކާއި ތަކެތީގެ ތެރެއިން ދާއިމަށް ބަހައްޓާނީ އޭގެ ތެރެއިން ކޮން ތަކެއްޗެއްކަން ކަނޑައަޅާނީ އެޑްވައިޒަރީ ބޯޑުގެ ލަފާގެމަތިން ގައުމީ އަރުށީފުގެ ޑިރެކްޓަރ ޖެނެރަލެވެ. މިގޮތުން ދާއިމަށް ބަހައްޓަންޖެހޭ ތަކެތީގެ ތެރޭގައި ދައުލަތުގެ މުއައްސަސާތަކާއި އޮފީސްތަކުގައި ހުރި 1980 ވަނަ އަހަރުގެ ކުރީގެ އެންމެހައި ލިޔެކިޔުންތަކާއި ތަކެތި ހިމަނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ)  ގައިވާ ގޮތުގެމަތިން ދާއިމަށް ބަހައްޓަންޖެހޭކަމަށް ގައުމީ އަރުށީފުގެ ޑިރެކްޓަރ ޖެނެރަލް ނިންމާ ތަކެތި ފިޔަވައި އެހެނިހެން ތަކެތި
މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ނައްތާލުމުގެ ބާރު ގައުމީ އަރުށީފުގެ ޑިރެކްޓަރ ޖެނެރަލަށް  ލިބިގެންވެއެވެ.

 

27 ވަނަ މާއްދާ - ދައުލަތުގެ އޮފީހަކުން  ލިޔެކިޔުމެއް ނައްތާލުން

ދައުލަތުގެ އޮފީހަކުން އެއްވެސް ލިޔެކިޔުމެއް ނައްތާލަންވާނީ ގައުމީ އަރުށީފުގެ ޑިރެކްޓަރ ޖެނެރަލަށް އެކަމެއް ހުށަހަޅައި މި ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

  

28 ވަނަ މާއްދާ - މުއައްސަސާއެއް ބަންދުކުރާނަމަ އަމަލުކުރަންވާ ގޮތް

ދައުލަތުގެ މުއައްސަސާއެއް އެ މުއައްސަސާއެއްގެ މަސްއޫލިއްޔަތު އެހެން މުއައްސަސާއަކަށް ބަދަލުކުރުމަކާނުލައި، ދާއިމީގޮތުން ބަންދުކުރަންވާނީ ނުވަތަ އުވާލަންވާނީ އެ މުއައްސަސާއެއްގައި ހިމެނޭ ލިޔެކިޔުންތައް، ގައުމީ އަރުށީފުގެ ޑިރެކްޓަރ ޖެނެރަލް ކަނޑައަޅާ ގޮތެއްގެމަތިން ރައްކާތެރިކަމާއެކު ބެލެހެއްޓޭނޭ އިންތިޒާމު ހަމަޖެއްސުމަށްފަހުގައެވެ. އަދި އެފަދަ އެއްވެސް ލިޔުމެއް، ނުވަތަ ރިކޯޑެއް، ނުވަތަ އެނޫންވެސް އެއްޗެއް، ގައުމީ އަރުށީފުގެ ޑިރެކްޓަރ ޖެނެރަލް ލިޔުމަކުން އެދިއްޖެނަމަ އަރުށީފަށް ފޮނުވަންވާނެއެވެ.

 

 

ހަތަރުވަނަ ބާބު

ދިވެހިރާއްޖޭގެ ތާރީހީ އަދި ގަދީމީ ލިޔެކިޔުންތައް

 

29 ވަނަ މާއްދާ - ތާރީހީ އަދި ގަދީމީ ލިޔެކިޔުންތައް

ދިވެހިރާއްޖޭގެ ތާރީހީ އަދި ގަދީމީ ލިޔެކިޔުންތަކުގެ ތެރެއިން މި ގާނޫނު ފާސްވާއިރު ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި  އެންމެހައި ލިޔެކިޔުންތަކާއި، ފޮޓޯތަކާއި، ޗާޓުތަކާއި، ރިކޯޑުތަކާއި، މައުލޫމާތު ގައުމީ އަރުށީފުން  ރައްކާތެރިކޮށް ބަލަހައްޓަންވާނެއެވެ.

 

30 ވަނަ މާއްދާ - އަމިއްލަ މީސްމީހުން އަތުގައިހުރި ތަކެތި

(ހ) ދިވެހިރާއްޖޭގެ ތާރީހީ އަދި ގަދީމީ ލިޔެކިޔުންތަކުގެ ތެރެއިން އަމިއްލަ މީސްމީހުންގެ އަތުގައި ހުރި  ލިޔެކިޔުންތަކާއި، ފޮޓޯތަކާއި، ޗާޓުތަކާއި، ރިކޯޑުތަކާއި، މައުލޫމާތާއި، ފޮތްތަކާއި، ނޫސްތަކާއި، މަޖައްލާތައް ނުވަތަ އޭގެ ނަކަލެއް ގައުމީ އަރުށީފަށް ހޯދައި އެތަކެތި ގައުމީ އަރުށީފުގައި ރައްކާތެރިކޮށް ބެލެހެއްޓުމަށް މަސައްކަތްކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ)  ގައި ބަޔާންކޮށްފައިވާ ތަކެތީގެ ރަޖިސްޓްރީއެއް ގައުމީ އަރުށީފުގައި އޮންނަންވާނެއެވެ. އެފަދަ ތަކެއްޗާމެދު އަމަލުކުރާނެ ގޮތްތަކެއް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ތަފްސީލުކޮށް ބަޔާންކުރަންވާނެއެވެ.

 

31 ވަނަ މާއްދާ - ރާއްޖެއިން ބޭރުގައި ހުރި ތަކެތި

ދިވެހިރާއްޖޭގެ ތާރީހީ އަދި ގަދީމީ ލިޔެކިޔުންތަކުގެ ތެރެއިން ރާއްޖެއިން ބޭރުގެ އެކިއެކި ފަރާތްތަކުގައި ހުރި ލިޔެކިޔުންތަކާއި، ފޮޓޯތަކާއި، ޗާޓުތަކާއި، ރިކޯޑުތަކާއި، ރާއްޖެއާބެހޭ މައުލޫމާތު އެކުލެވޭ ފޮތްތަކާއި، ނޫސް މަޖައްލާތަކުގެ ނަކަލެއް ގައުމީ އަރުށީފަށް ހޯދައި އެ ތަކެތި ގައުމީ އަރުށީފުގައި ރައްކާތެރިކޮށް ބެލެހެއްޓުމަށް މަސައްކަތްކުރަންވާނެއެވެ.

 

32 ވަނަ މާއްދާ - ގައުމީ އަރުށީފުގައި ހުރި އެއްޗެއް ރާއްޖެއިން ބޭރަށް ގެންދިއުން

ގައުމީ އަރުށީފުގައި ހުރި އެއްވެސް އެއްޗެއް ރާއްޖެއިން ބޭރަށް ގެންދެވޭނީ އެޑްވައިޒަރީ ބޯޑުގެ ލަފާގެމަތިން އެ ބޯޑުން ކަނޑައަޅާ ށަރުތުތަކާ އެއްގޮތްވާ ގޮތުގެމަތިން، ހަމައެކަނި ވަގުތީ ބޭނުންތަކަށެވެ.

 

 

ފަސްވަނަ ބާބު

އެހެނިހެން ކަންކަން

 

33 ވަނަ މާއްދާ - ގައުމީ އަރުށީފަށް ބޭނުންވާ ތަނާއި ފައިސާ

ގައުމީ އަރުށީފުގައި ބަހައްޓާ ތަކެތި ބަހައްޓާނޭ އެކަށީގެންވާ އިމާރާތާއި ވަސީލަތްތަކާއި އެތަން ހިންގުމަށްޓަކައި ބޭނުންވާ ފައިސާ ދައުލަތުން ފޯރުކޮށްދޭންވާނެއެވެ.

 

34 ވަނަ މާއްދާ - އަރުށީފުކުރެވޭ ތަކެތި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބެހެއްޓުން

އަރުށީފުކުރެވޭ ތަކެތި ގައުމީ އަރުށީފުގައި ބެހެއްޓިފައި ވީނަމަވެސް އެ ތަކެތީގެ ނަކަލު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބެހެއްޓުމަށް އިސްކަންދޭންވާނެއެވެ.

 

35 ވަނަ މާއްދާ - ގާނޫނާ ހިލާފުވުން

(ހ) އަރުށީފުކުރެވިފައިވާ އެއްޗަކަށް ގަސްދުގައި ގެއްލުމެއް ދިނުމަކީ ކުށެކެވެ. މި ކުށުން ކުށްވެރިވެއްޖެ މީހެއްގެ އަދަބަކީ 10،000 (ދިހަހާސް)  ރުފިޔާއާއި 100,000 (އެއްލައްކަ)  ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ނުވަތަ ޖޫރިމަނާކުރުމާއެކު 5 (ފަހެއް)  އަހަރާއި 10 (ދިހައެއް)  އަހަރާދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

(ށ) އަރުށީފުކުރެވިފައިވާ އެއްޗަކަށް މީހެއްގެ އިހުމާލުން ގެއްލުމެއް ލިބިއްޖެނަމަ އެމީހަކު 500 (ފައްސަތޭކަ)  ރުފިޔާއާއި 5,000 (ފަސްހާސް)  ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެމީހެއްގެ މައްޗަށް ދައުވާ ކުރެވޭނެއެވެ.

(ނ) އަރުށީފުގައި ރައްކާކުރެވިފައިވާ އެއްޗެއް މީހެއްގެ އިހުމާލުން މުޅިން ނެތިގެން ހިނގައްޖެނަމަ އެފަދަ މީހަކު 50,000 (ފަންސާސް ހާސް)  ރުފިޔާއިން ޖޫރިމަނާކުރުމާއެކު 1 (އެކެއް)  އަހަރާއި 5 (ފަހެއް)  އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭނެއެވެ.

 

36 ވަނަ މާއްދާ - އަހަރީ ރިޕޯޓު

ގައުމީ އަރުށީފުގެ މަސައްކަތްތައް ހިނގާފައިވާ ގޮތުގެމައްޗަށް އެކުލަވާލެވޭ އަހަރީ ރިޕޯޓެއް، ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 28 ގެ ކުރިން ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ.

މި ރިޕޯޓުގައި:

(ހ) ގައުމީ އަރުށީފަށް ލިބުނު އާމްދަނީއާ ހިނގި ހަރަދު؛

(ށ) ނައްތާލުމަށް ކަނޑައެޅުނު ތަކެތީގެ ލިސްޓު؛

(ނ) މި ގާނޫނާއި ގަވާއިދުތަކާ ހިލާފަށް އެއްވެސް ފަރާތަކުން ރިކޯޑު ނައްތާލާފައިވާނަމަ އެ މައުލޫމާތު؛

(ރ) މި ގާނޫނާ ދައުލަތުގެ އެއްވެސް މުއައްސަސާއެއް ހިލާފުވެފައިވާނަމަ އެކަމުގެ ތަފްސީލުވެސް ހިމަނަންވާނެއެވެ.

 

37 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

38 ވަނަ މާއްދާ - ގަވާއިދު ހެދުން

(ހ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތައް ހަދައި ހިންގާނީ ގައުމީ އަރުށީފުގެ އެންމެހައި ކަންކަން ބެލެހެއްޓުން ރައީސުލްޖުމްހޫރިއްޔާ މަތިކުރާ ވުޒާރާއަކުންނެވެ.

(ށ) މި ގާނޫނު ހިންގުމަށްޓަކައި ކޮންމެހެން ހަދަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 3 (ތިނެއް)  މަސްދުވަހުގެ ތެރޭގައި ހަދައި، އާންމުކުރަންވާނެއެވެ.

 

39 ވަނަ މާއްދާ - ލަފުޒުތަކާއި އިބާރާތްތަކުގެ މާނަ

މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައިއެވަނީ އެ ލަފުޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

"މިނިސްޓަރު" ކަމަށް ބުނެފައިއެވަނީ އެއިރެއްގައި އަރުށީފުގެ ކަންތައްތައް ބެލެހެއްޓުމާ ހަވާލުވެފައިވާ ވުޒާރާއެއްގެ ވަޒީރަށެވެ.

"ރައްކާތެރިކަމާއެކީ ބެލެހެއްޓުން" ކަމަށް ބުނެފައިއެވަނީ، ގިނަ ދުވަހަށް ދެމެހެއްޓުމަށް ކުރާ އެންމެހައި ކަންތައްތަކާއި، އެ ތަކެތި ހަލާކުނުވާނެ އަދި ވީރާނާނުވާނެ ގޮތުގެމަތިން މަރާމާތުކޮށް ބެލެހެއްޓުމަށެވެ.

"ށާއިއުކުރުން" ކަމަށް ބުނެފައިއެވަނީ، އާންމުންނަށް ވިއްކަން، ކުއްޔަށްދޫކުރަން، ނުވަތަ ހިލޭ ލިބޭގޮތް ހެދުމަށެވެ.

"ރިކޯޑު" ކަމަށް ބުނެފައިއެވަނީ، ދައުލަތުގެ ހިންގުމުގައި އުފެދޭ ލިޔެކިޔުން ނުވަތަ ފޮޓޯ، އޯޑިއޯ، ވީޑިއޯ ގެ ޒަރީއާއިން ރިކޯޑުކޮށްފައިވާ ތަކެއްޗަށެވެ.

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

ދައުލަތުގެ މުއައްސަސާތަކުން ލިޔެކިޔުންތަކާއި، ފޮޓޯތަކާއި، ޗާޓުތަކާޢި، ރެކޯޑުތަކާއި، މައުލޫމާތު ނައްތާލުމާބެހޭ ގޮތުން އަމަލުކުރަންވީ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2017-22)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު