-

މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2013-12)

 

އެއްވަނަ ބައި

ފެށުން

 

އެއްވަނަ ބާބު

ތައާރުފާއި މަގްސަދު

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގައި ނުވަތަ ދިވެހިރާއްޖެ މެދުވެރިކޮށް މީހުން ޓްރެފިކްކުރުން ހުއްޓުވުމަށްޓަކައި ޓްރެފިކްކުރުމާގުޅޭ ކުށާއި އަދަބު ކަނޑައެޅުމާއި، ޓްރެފިކްކުރުމުގެ ސަބަބުން ގެއްލުން ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދެވޭނެ ނިޒާމެއް އެކަށައެޅުމާއި، އެނޫންވެސް ކަމާގުޅޭ އުސޫލުތައް ކަނޑައެޅުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ، "މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ – މަގްސަދު

މި ގާނޫނުގެ ބޭނުމަކީ، އަންނަނިވި މައިގަނޑު މަގްސަދުތައް ހާސިލުކުރުމެވެ.

(ހ) މީހުން ޓްރެފިކްކުރުމަކީ ކުށެއް ކަމުގައި ކަނޑައެޅުން؛

(ށ) ދިވެހިރާއްޖޭގައި ނުވަތަ ދިވެހިރާއްޖެ މެދުވެރިކޮށް ހިންގޭ މީހުން ޓްރެފިކްކުރުމުގެ އަމަލުތައް ހުއްޓުވުމަށް މަސައްކަތްކުރުން؛

(ނ) މި ގާނޫނުގެ ދަށުން ކުށްކުރާ މީހުންނަށް ކަމާ އެކަށީގެންވާ އަދަބު ދިނުން؛

(ރ) މި ގާނޫނުގެ ދަށުން ކުށްކުރާ މީހުންގެ މައްސަލަތައް އެކަށީގެންވާ ގޮތުގައި ތަހްގީގުކުރެވި، އެމީހުންގެ މައްޗަށް ދައުވާކުރެވޭނެ ހަރުދަނާ އުސޫލުތަކެއް ކަނޑައެޅުން؛

(ބ) ޓްރެފިކްކުރުމުގެ ށިކާރައަކަށްވާ އަދި ށިކާރައަކަށް ވެދާނެ މީހުންނަށް ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދިނުން އަދި އެފަދަ މީހުންގެ އިންސާނީ ހައްގުތައް ކުރިއަރުވައި، ރައްކާތެރިކުރުވުން؛

(ޅ) ދިވެހިރާއްޖޭގައި ނުވަތަ ދިވެހިރާއްޖެ މެދުވެރިކޮށް މީހުން ޓްރެފިކްކުރުން ހުއްޓުވުމަށްޓަކައި ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ޖަމްއިއްޔާ ޖަމާއަތްތަކާއި، ބައިނަލްއަގްވާމީ ޖަމްއިއްޔާތަކާއި ޖަމާއަތްތަކާ ގުޅިގެން މަސައްކަތްކުރުން.

 

3 ވަނަ މާއްދާ - ހައްގުތަކަށް އަސަރުނުކުރުން އަދި ބައިނަލްއަގްވާމީ އުސޫލުތަކަށް ރިއާޔަތްކުރުން

މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނު ކިޔަންވާނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ކޮންމެ މީހަކަށްމެ ކަށަވަރުކޮށްދޭ އަސާސީ ހައްގުތަކާއި މިނިވަންކަމަށް އެއްވެސް ހަނިކަމެއް ނާންނާނެ ގޮތުގެމަތިންނެވެ. އަދި ށަރުއީ ކޯޓުތަކުން މި ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތައް މާނަކުރުމުގައި، އިންސާނީ ށަރަފާއި ހަމަހަމަކަމާއި މިނިވަންކަމަށް ބިނާކޮށް އުފެދިފައިވާ، ހުޅުވިގެންވާ ދީމިގްރާތީ މުޖުތަމައުތަކުން ގަބޫލުކުރާ އުސޫލުތަކަށް ރިއާޔަތްކޮށް، އެ އުސޫލުތައް ނެގެހެއްޓުމާއެކު، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކުގައިވާ ކަމާގުޅޭ އުސޫލުތަކަށް ރިއާޔަތްކުރަންވާނެއެވެ.

 

4 ވަނަ މާއްދާ – ރަދީފު

(ހ)  މި ގާނޫނު އެމައްޗަށް ބިނާވެގެންވާ މައިގަނޑު މަފްހޫމުތައް، މި ގާނޫނުގެ ދެވަނަ ބާބުގައި ބަޔާންކޮށްފައި އެވަނީއެވެ.

(ށ) މި ގާނޫނުގައި ހިމެނިގެންވާ މައިގަނޑު ލަފުޒުތަކާއި އިބާރާތްތަކުގެ މާނަ، މި ގާނޫނުގެ 71 ވަނަ މާއްދާގައި ބަޔާންކޮށްފައި އެވަނީއެވެ.

 

ދެވަނަ ބާބު

މަފްހޫމްތަކުގެ ރަދީފު 

5 ވަނަ މާއްދާ - މަފްހޫމްތަކުގެ އަސާސް

މި ގާނޫނުގައި ބަޔާންކޮށްފައިވާ މަފްހޫމުތައް މި ބާބުގައި ބަޔާންކޮށްފައިއެވަނީ، މި ގާނޫނުގައި އެކުލެވިގެންވާ އަސްލުތައް އެގޮތުގައި ދެމެހެއްޓުމަށާއި، މި ގާނޫނުގެ މަގްސަދު އެންމެ ފުޅާމިނުގައި ހާސިލުކުރުމަށް މަގުފަހިކުރުމުގެ ބޭނުމުގައެވެ. މި ގާނޫނުގެ ހަމަ ކޮންމެ މާއްދާއެއްވެސް ކިޔަންވާނީ، އެ މަފްހޫމުތަކަށް ހަނިކަމެއް ނާންނާނެ ގޮތުގެމަތިންނެވެ.

 

6 ވަނަ މާއްދާ - މީހުން ޓްރެފިކްކުރުން

"މީހުން ޓްރެފިކްކުރުން" ކަމަށް ބުނެފައިއެވަނީ، މީހުން ޓްރެފިކްކުރުމުގެ އަމަލެއް ކަމަށް މި ގާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަމަލުތަކުގެ ތެރެއިން އަމަލެއް ކުރުމަށެވެ. ނުވަތަ އެކްސްޕްލޮއިޓޭށަން ހިމެނޭގޮތުން މީހުން ޓްރެފިކްކުރުމުގެ އަމަލެއް ކަމަށް މި ގާނޫނުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަމަލުތަކުގެ ތެރެއިން އަމަލެއް ކުރުމަށެވެ.

 

7 ވަނަ މާއްދާ - ޓްރެފިކްކުރާ މީހާ

"ޓްރެފިކްކުރާ މީހާ" ކަމަށް ބުނެފައިއެވަނީ، މީހުން ޓްރެފިކްކުރުމުގެ އަމަލެއް ހިންގާ މީހާއަށެވެ.

 

8 ވަނަ މާއްދާ - ޓްރެފިކްކުރެވޭ މީހާ

"ޓްރެފިކްކުރެވޭ މީހާ" ކަމަށް ބުނެފައިއެވަނީ، ޓްރެފިކްކުރުމުގެ އަމަލެއްގެ ށިކާރައަކަށްވާ މީހާއަށެވެ.

 

9 ވަނަ މާއްދާ - ޓްރެފިކްކުރެވޭ މީހެއް ކަމަށް ބެލެވޭ މީހާ

"ޓްރެފިކްކުރެވޭ މީހެއް ކަމަށް ބެލެވޭ މީހާ" ކަމަށް ބުނެފައިއެވަނީ، ޓްރެފިކްކުރުމުގެ އަމަލެއް އެމީހަކާ ދެކޮޅަށް ހިނގާކަމަށް ނުވަތަ ހިނގައިފިކަމަށް މި ގާނޫނުގައި ކަނޑައަޅާފައިވާ ފަރާތްތަކުގެ ތެރެއިން ފަރާތަކަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭ ކޮންމެ މީހަކަށެވެ.

 

10 ވަނަ މާއްދާ - އެކްސްޕްލޮއިޓޭށަންގެ އަމަލު

"އެކްސްޕްލޮއިޓޭށަންގެ އަމަލެއް" ކަމަށް ބުނެފައިއެވަނީ، މީހަކާމެދު އަންނަނިވި އަމަލުތަކުގެ ތެރެއިން އަމަލެއް، އެހެން މީހަކު ހިންގުމަށެވެ.

(ހ) އެ އަމަލު އެމީހަކާ ދެކޮޅަށް ހިންގޭ މީހާއަށް ގާނޫނާ ހިލާފު މަޖުބޫރުކުރުވުމެއް ކުރިމަތިކުރުން؛ ނުވަތަ

(ށ) މަސައްކަތެއް ކުރުމަށް ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުމަށް އޭނާއަށް ލާޒިމުކުރުން؛ އަދި އޭނާ ލައްވާ އެ މަސައްކަތްކުރުވަނީ ނުވަތަ އެ ހިދުމަތެއް ފޯރުކުރުވަނީ ވަކި ކަމަކަށް ށަރުތުކުރުވުމަށް ފަހުގައިކަމަށްވުން؛ އަދި އޭނާއަށް ކުރިމަތިކުރުވާފައިވާ ގާނޫނާ ހިލާފު މަޖުބޫރުކުރުވުމެއްގެ ސަބަބުން އޭނާއަށް އެ ހާލަތު ނުވަތަ ށަރުތު ބަދަލުކުރުމުގެ މިނިވަންކަން ނެތުން؛ ނުވަތަ

(ނ) ގާނޫނީ އިލްތިޒާމެއް އުފުލަންޖެހޭ އެއްބަސްވުމެއްގައި އޭނާ ބައިވެރިވާން ލާޒިމުކުރުން، ނުވަތަ ވަކި މީހަކާ ކާވެނިކުރުމަށް ލާޒިމުކުރުވުން؛ އަދި އެފަދައިން އޭނާ އެ އެއްބަސްވުމެއްގައި ބައިވެރިވުމަށް ލާޒިމުކުރުވަނީ، ނުވަތަ ކާވެނިކުރުމަށް ލާޒިމުކުރުވަނީ ވަކި ކަމަކަށް ށަރުތުކުރުވުމަށް ފަހުގައިކަމަށްވެފައި، އޭނާއަށް ކުރިމަތިކުރުވާފައިވާ ގާނޫނާ ހިލާފު މަޖުބޫރުކުރުވުމުގެ ސަބަބުން އޭނާއަށް އެ އެއްބަސްވުން ނުވަތަ އޭނާގެ ކާވެނީގެ ހައިސިއްޔަތު ނުވަތަ އެ ށަރުތު ބަދަލުކުރުމުގެ މިނިވަންކަން ނެތުން؛ ނުވަތަ

(ރ) އޭނާއަށް ބޭނުންނުވާ ސިއްހީ ފަރުވާއެއް ހޯދަން ނުވަތަ މެޑިކަލް ޓެސްޓެއް ހަދަން ލާޒިމުކުރުމާއި، އެ ފަރުވާއެއް ހޯދުމަށް ނުވަތަ ޓެސްޓެއް ހެދުމަށް އިއުތިރާޒްކުރުމުގެ ފުރުސަތު އޭނާއަށް ނެތުން؛ ނުވަތަ

(ބ) އޭނާގެ ކާކުކަން އަންގައިދޭ މައުލޫމާތު ހިމެނޭ ލިޔުމެއް ނުވަތަ ޓްރެވަލް ޑޮކިއުމަންޓެއް އެ އަމަލު ހިންގާ މީހާ ހިފެހެއްޓުން ނުވަތަ ނައްތާލުން؛ ނުވަތަ

(ޅ) އޭނާ ނުވަތަ އޭނާގެ ބާރުގެ ދަށުގައިވާ މީހެއްގެ ފަރާތުން ވަކި މަސައްކަތެއް ކުރުވުމަށް ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުމަށް އެއްބަސްކުރުވުން އަދި އެ އެއްބަސްވުން އޭނާ ވަނީ އެ އެއްބަސްވުން ވުމަށް ފަހުގައި އުފެދޭ ނުވަތަ އުފެދޭކަމަށް ތުހުމަތުކުރެވޭ ދަރަންޏެއްގެ މުގާބިލުގައި ކަމަށްވެފައި، އެ ދަރަންޏަކީ ނިސްބަތުން ބޮޑު އަދަދެއްގެ ދަރަންޏެއްކަން ކަނޑައެޅިގެން އެނގެން އޮތުން ނުވަތަ އެ މަސައްކަތަކާ ނުވަތަ ހިދުމަތަކާ އެކަށީގެންވާ އަގެއް އެ ދަރަނި އަދާކުރުމުގައި ކަނޑައަޅާފައިނުވުން ނުވަތަ އެ މަސައްކަތަކީ ނުވަތަ ހިދުމަތަކީ، އޭގެ ބާވަތް ކަނޑައެޅިފައިނުވާ ނުވަތަ މުއްދަތެއް ނުވަތަ ބޮޑުމިނެއް ކަނޑައެޅިފައިނުވާ މަސައްކަތެއް ނުވަތަ ހިދުމަތެއް ކަމުގައިވުން؛

(ކ) އޭނާގެ ހަށިވިއްކަން މަޖުބޫރުކުރުވުމަށް ނުވަތަ އޭނާގެ ހަށިގަނޑުގެ ގުނަވަނެއް ނެގުމަށް މަޖުބޫރުކުރުވުމަށް.

 

11 ވަނަ މާއްދާ - ގާނޫނާ ހިލާފު މަޖުބޫރުކުރުވުމެއް ކުރިމަތިކުރުވުން


"ގާނޫނާ ހިލާފު މަޖުބޫރުކުރުވުމެއް ކުރިމަތިކުރުވުން" ކަމަށް ބުނެފައިއެވަނީ:

(ހ) މީހަކަށް ބިރުދެއްކުމަށް؛ ނުވަތަ

(ށ) މީހަކާ ދެކޮޅަށް ބާރުގެ ބޭނުންކުރުމަށް؛ ނުވަތަ

(ނ) ޖިސްމާނީގޮތުން ނުވަތަ ނަފްސާނީގޮތުން މީހެއްގެ މައްޗަށް ބާރުފޯރުވުމަށް؛ ނުވަތަ

(ރ) މީހަކަށް މަޖުބޫރުކަމެއް ކުރިމަތިކުރުވުމަށް؛ ނުވަތަ

(ބ) މީހަކަށް އޮޅުވާލުމަށް؛ ނުވަތަ

(ޅ) މީހަކު އޭނާގެ ވެށިން ނިގުޅައިގަތުމަށް؛ ނުވަތަ

(ކ) މަގާމުގެ ބާރާއި ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރުމަށް؛ ނުވަތަ

(އ) ބިދޭސީ މަސައްކަތްތެރިއަކަށް ވީތީ ނުވަތަ އެހެންވެސް ސަބަބަކަށްޓަކައި މީހަކަށް ކުރިމަތިވެފައިވާ ނިކަމެތިކަމެއްގެ ބޭނުން ނަހަމަގޮތުގައި ހިފުމަށް؛ ނުވަތަ

(ވ) ގާނޫނީ ނިޒާމެއްގެ ނަހަމަ ބޭނުންހިފުމަށް؛ ނުވަތަ

(މ) މީހަކަށް މަކަރުހެދުމަށް؛ ނުވަތަ

(ފ) މީހެއްގެ މައްޗަށް ނުފޫޒުފޯރުވިދާނެ އެހެން މީހަކަށް ފައިސާ ދިނުމަށް ނުވަތަ މަންފާއެއް ހޯދައިދިނުމަށް.

 

ދެވަނަ ބައި

ކުށާގުޅޭ

ތިންވަނަ ބާބު

ގާނޫނު ގަބޫލުކުރާ ގޮތް

12 ވަނަ މާއްދާ - މީހުން ޓްރެފިކްކުރުން

(ހ) އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކުރާ މީހާއަކީ، މީހުން ޓްރެފިކްކުރާ މީހެއް ކަމުގައި ބެލޭނެއެވެ.

  1. ގާނޫނާ ހިލާފު މަޖުބޫރުކުރުވުމެއް ކުރިމަތިކުރުވައިގެން، މީހަކު އެއް ގައުމުން އަނެއް ގައުމަށް ގެންދިޔުމަށް ނުވަތަ ބަދަލުކުރުމަށް ގަސްދުގައި ރޭވުން ނުވަތަ އެއިން ކަމެއް ކުރުމަށް ގަސްދުގައި މަގުފަހިކުރުވުން؛ އަދި އެފަދަ ގާނޫނާ ހިލާފު މަޖުބޫރުކުރުވުމެއް މީހަކަށް ކުރިމަތިކުރުވައިގެން އެ މަޖުބޫރުކުރުވުމުގައި، އެމީހަކު އެހެން ގައުމަކަށް ގެންދެވުން ނުވަތަ ބަދަލުކުރެވުން ނުވަތަ ބެލުމުގެ ދަށުގައި ބެހެއްޓުން ނުވަތަ އެފަދަ މީހަކާ ހަވާލުވުން؛
  2. ގާނޫނާ ހިލާފު މަޖުބޫރުކުރުވުމެއް ކުރިމަތިކުރުވައިގެން، ދިވެހިރާއްޖޭގެ ސަރަހައްދުގެ ތެރޭގައި، މީހަކު އެއްތަނުން އަނެއް ތަނަށް ގެންދިޔުމަށް ނުވަތަ ބަދަލުކުރުމަށް ގަސްދުގައި ރޭވުން ނުވަތަ އެއިން ކަމެއް ކުރުމަށް ގަސްދުގައި މަގުފަހިކުރުވުން؛ އަދި އެފަދަ ގާނޫނާ ހިލާފު މަޖުބޫރުކުރުވުމެއް މީހަކަށް ކުރިމަތިކުރުވައިގެން އެ މަޖުބޫރުކުރުވުމުގައި، އެމީހަކު ވަކި ތަނަކަށް ގެންދެވުން ނުވަތަ ބަދަލުކުރެވުން ނުވަތަ ބެލުމުގެ ދަށުގައި ބެހެއްޓުން ނުވަތަ އެފަދަ މީހަކާ ހަވާލުވުން.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، މީހަކު އެއް ގައުމުން އަނެއް ގައުމަށް ގެންދިޔުމުގެ ނުވަތަ ބަދަލުކުރުމުގެ މާނައިގެ ތެރޭގައި، އޭނާ ދިވެހިރާއްޖެއަށް އެތެރެކުރާ ކުރުމާއި، ދިވެހިރާއްޖެއިން ގެންދާ ގެންދިޔުން ހިމެނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އަމަލު އެމީހަކާ ދެކޮޅަށް ހިންގޭ މީހާ އެ ގައުމަކަށް ގެންދެވުމަށް ނުވަތަ ބަދަލުވުމަށް ނުވަތަ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ނުވަތަ ހަވާލުވެގަތުމަށް ރުހުން ދިން ކަމުގައިވީނަމަވެސް، އެ އަމަލު ހިންގި މީހާ
މި މާއްދާގައި ބަޔާންކުރާ ޓްރެފިކްކުރުމުގެ އަމަލު ހިންގީ ކަމުގައި ބެލޭނެއެވެ.

 

13 ވަނަ މާއްދާ - އެކްސްޕްލޮއިޓޭށަން ހިމެނޭގޮތުން މީހުން ޓްރެފިކްކުރުން

(ހ) އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކުރާ މީހާއަކީ، މީހުން ޓްރެފިކްކުރާ މީހެއް ކަމުގައި ބެލޭނެއެވެ.

  1. މީހަކު އެއް ގައުމުން އަނެއް ގައުމަށް ގެންދިޔުމަށް ނުވަތަ ބަދަލުކުރުމަށް ނުވަތަ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ނުވަތަ ހަވާލުވެގަތުމަށް ގަސްދުގައި ރޭވުން ނުވަތަ އެއިން ކަމެއް ކުރުމަށް ގަސްދުގައި މަގުފަހިކުރުވުން؛ އަދި އެމީހަކު އެހެން ގައުމަކަށް ގެންދިޔުމުގައި ނުވަތަ ބަދަލުކުރުމުގައި ނުވަތަ ގެންދިޔުމަށްފަހު ނުވަތަ ބަދަލުކުރުމަށްފަހު، އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް ހިމެނިގެންވާ ކަމެއް އޭނާއާ ކުރިމަތިވެދާނެކަމާމެދު އިހުމާލުވުން:
    (i) މަސައްކަތެއް ކުރުމަށް ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުމަށް އޭނާއަށް ލާޒިމުކުރުން؛ އަދި އޭނާ ލައްވާ އެ މަސައްކަތް ކުރުވަނީ ނުވަތަ އެ ހިދުމަތެއް ފޯރުކުރުވަނީ ވަކި ކަމަކަށް ށަރުތުކުރުވުމަށް ފަހުގައި ކަމަށްވުން؛ އަދި އޭނާއަށް ކުރިމަތިކުރުވާފައިވާ ގާނޫނާ ހިލާފު މަޖުބޫރުކުރުވުމެއްގެ ސަބަބުން އޭނާއަށް އެ ހާލަތު ނުވަތަ އެ ށަރުތު ބަދަލުކުރުމުގެ މިނިވަންކަން ނެތުން؛
    (ii) ގާނޫނީ އިލްތިޒާމެއް އުފުލަންޖެހޭ އެއްބަސްވުމެއްގައި އޭނާ ބައިވެރިވާން ލާޒިމުކުރުން، ނުވަތަ ވަކި މީހަކާ ކާވެނިކުރުމަށް ލާޒިމުކުރުވުން، އަދި އެފަދައިން އޭނާ އެ އެއްބަސްވުމެއްގައި ބައިވެރިވުމަށް ލާޒިމުކުރަނީ، ނުވަތަ ކާވެނިކުރުމަށް ލާޒިމުކުރުވަނީ، ވަކި ކަމަކަށް ށަރުތުކުރުވުމަށް ފަހުގައި ކަމަށްވެފައި، އޭނާއަށް ކުރިމަތިކުރުވާފައިވާ ގާނޫނާ ހިލާފު މަޖުބޫރުކުރުވުމެއްގެ ސަބަބުން އޭނާއަށް އެ އެއްބަސްވުން ނުވަތަ އޭނާގެ ކާވެނީގެ ހައިސިއްޔަތު ނުވަތަ އެ ށަރުތު ބަދަލުކުރުމުގެ މިނިވަންކަން ނެތުން؛
    (iii) އޭނާއަށް ބޭނުންނުވާ ސިއްހީ ފަރުވާއެއް ހޯދަން ނުވަތަ މެޑިކަލް ޓެސްޓެއް ހަދަން ލާޒިމުކުރުން؛ އަދި އެ ފަރުވާއެއް ހޯދުމަށް ނުވަތަ ޓެސްޓެއް ހެދުމަށް އޭނާގެ ރުހުމެއް ނެތުން.

  2. މީހަކު ދިވެހިރާއްޖޭގެ ސަރަހައްދުގެ ތެރޭގައި، އެއްތަނުން އަނެއް ތަނަށް ގެންދިޔުމަށް ނުވަތަ ބަދަލުކުރުމަށް ގަސްދުގައި ރޭވުން ނުވަތަ އެއިން ކަމެއް ކުރުމަށް ގަސްދުގައި މަގުފަހިކުރުވުން؛ އަދި އެމީހަކު އެފަދައިން އެއް ތަނުން އަނެއް ތަނަށް ގެންދިޔުމުގައި ނުވަތަ ބަދަލުކުރުމުގައި ނުވަތަ ގެންދިޔުމަށްފަހު ނުވަތަ ބަދަލުކުރުމަށްފަހު މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ (i) އިން ފެށިގެން (iii) ވަނަ ނަންބަރުގެ ނިޔަލަށް ހުރި އަކުރުތަކުގައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް ހިމެނިގެންވާ ކަމެއް އޭނާއާ ކުރިމަތިވެދާނެ ކަމާމެދު އިހުމާލުވުން؛

  3. މީހަކު އެއް ގައުމުން އަނެއް ގައުމަށް ގެންދިޔުމަށް ނުވަތަ ބަދަލުކުރުމަށް ގަސްދުގައި ރޭވުން ނުވަތަ އެއިން ކަމެއް ކުރުމަށް ގަސްދުގައި މަގުފަހިކުރުވުން؛ އަދި އެމީހަކު އެހެން ގައުމަކަށް ގެންދިޔުމުގައި ނުވަތަ ބަދަލުކުރުމުގައި ނުވަތަ ގެންދިޔުމަށްފަހު ނުވަތަ ބަދަލުކުރުމަށްފަހު، އެކްސްޕްލޮއިޓޭށަންގެ އަމަލެއް އޭނާއާ ކުރިމަތިވުމުގެ އިހްތިމާލެއް އޮތްކަން އެނގިހުރެ އޮޅުވާލުން؛

  4. މީހަކު ދިވެހިރާއްޖޭގެ ސަރަހައްދުގައި އެއް ތަނުން އަނެއް ތަނަށް ގެންދިޔުމަށް ނުވަތަ ބަދަލުކުރުމަށް ގަސްދުގައި ރޭވުން ނުވަތަ އެއިން ކަމެއް ކުރުމަށް ގަސްދުގައި މަގުފަހިކުރުވުން؛ އަދި އެމީހަކު އެ ތަނަކަށް ގެންދިޔުމުގައި ނުވަތަ ބަދަލުކުރުމުގައި ނުވަތަ ގެންދިޔުމަށްފަހު ނުވަތަ ބަދަލުކުރުމަށްފަހު، އެކްސްޕްލޮއިޓޭށަންގެ އަމަލެއް އޭނާއާ ކުރިމަތިވުމުގެ އިހްތިމާލެއް އޮތްކަން އެނގިހުރެ އޮޅުވާލުން؛

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު އަދި (3) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، މީހަކު އެއް ގައުމުން އަނެއް ގައުމަށް ގެންދިޔުމުގެ ނުވަތަ ބަދަލުކުރުމުގެ މާނައިގެ ތެރޭގައި، އޭނާ ދިވެހިރާއްޖެއަށް އެތެރެކުރާ ކުރުމާއި، ދިވެހިރާއްޖެއިން ގެންދާ ގެންދިޔުން ހިމެނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އަމަލު އެމީހަކާ ދެކޮޅަށް ހިންގޭ މީހާ އެ ގައުމަކަށް ގެންދެވުމަށް ނުވަތަ ބަދަލުވުމަށް ރުހުން ދިން ކަމުގައިވީނަމަވެސް، އެ އަމަލު ހިންގި މީހާ މި މާއްދާގައި ބަޔާންކުރާ ޓްރެފިކްކުރުމުގެ އަމަލު ހިންގީ ކަމުގައި ބެލޭނެއެވެ.

 

14 ވަނަ މާއްދާ - ކުޑަކުއްޖަކާ ދެކޮޅަށް ހިންގޭ ޓްރެފިކްކުރުމުގެ އަމަލު

މި ގާނޫނުގެ 12 ވަނަ މާއްދާގައި ނުވަތަ 13 ވަނަ މާއްދާގައި ބަޔާންކުރާ އަމަލެއް މީހަކު ހިންގީ ކުޑަކުއްޖަކާ ދެކޮޅަށް ކަމުގައިވާނަމަ، އަދި އެއީ ކުޑަކުއްޖެއްކަން ދެނެގަތުމުގައި އޭނާ އިހުމާލުވެފައިވާނަމަ، އަދި އޭނާ އެކަން ކުރީ، އެ އަމަލު ހިންގުމުގައި ނުވަތަ ހިންގުމަށްފަހު އެ ކުއްޖަކާމެދު އެކްސްޕްލޮއިޓޭށަންގެ އަމަލެއް މީހަކު ހިންގަފާނެ ކަމާމެދު އިހުމާލުވެ ހުރެ ކަމަށްވާނަމަ، ނުވަތަ އޭނާ އެކަން ކުރީ، އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކުރުމަށް އެ ކުއްޖާއަށް މީހަކު ލާޒިމުކޮށްފާނެ ކަމާމެދު އިހުމާލުވެ ހުރެ ކަމަށްވާނަމަ، އެކަން ކުރި މީހާއަކީ ކުޑަކުދިން ޓްރެފިކްކުރާ މީހެއް ކަމުގައި ބެލޭނެއެވެ.

(ހ) އެކުއްޖާގެ ސިއްހަތަށް ނުވަތަ ސަލާމަތަށް ނުރައްކާވެދާނެ ފަދަ މަސައްކަތެއް އެކުއްޖާ ލައްވާ ކުރުވުން ނުވަތަ އެފަދަ ހިދުމަތެއް އެކުއްޖާގެ ފަރާތުން ހޯދުން؛ ނުވަތަ

(ށ) އެކުއްޖާ ލައްވާ ގާނޫނާ ހިލާފު މަސައްކަތެއް ކުރުވުން ނުވަތަ އެފަދަ ހިދުމަތެއް އެކުއްޖާގެ ފަރާތުން ހޯދުން؛ ނުވަތަ

(ނ) އެކުއްޖާގެ އުމުރުގެ ގޮތުން އޭނާ ލައްވާ ކުރުވުމަށް ގާނޫނު މަނާކުރާ މަސައްކަތެއް އޭނާ ލައްވާ ކުރުވުން ނުވަތަ އެފަދަ ހިދުމަތެއް އެކުއްޖާގެ ފަރާތުން ހޯދުން.

 

15 ވަނަ މާއްދާ – ރުހުން

މި ގާނޫނުގެ ބޭނުމަށްޓަކައި ކުޑަކުއްޖަކު، މި ގާނޫނުގައި ކުށެއް ކަމަށް ކަނޑައަޅާފައިވާ އަމަލެއް އޭނާއާ ދެކޮޅަށް ހިންގުމަށް ރުހުން ދިން ކަމުގައެއް ނުބެލެވޭނެއެވެ.

 

16 ވަނަ މާއްދާ - ޑެޓް ބޮންޑޭޖް

އަންނަނިވި ހާލަތްތައް ފުރިހަމަވާގޮތަށް ހިންގޭ އަމަލަކީ ޑެޓް ބޮންޑޭޖްގެ އަމަލެއް ކަމުގައި ބެލޭނެއެވެ.

(ހ) ވަކި މީހެއްގެ ފަރާތުން ނުވަތަ ވަކި މީހެއްގެ ބާރުގެ ދަށުގައިވާ އެހެން މީހެއްގެ ފަރާތުން ވަކި މަސައްކަތެއް ކުރުމަށް ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުމަށް އެއްބަސްކުރުވުން ނުވަތަ އެމީހަކާމެދު ގަސްދުގައި ހިންގޭ އަމަލެއްގެ ނަތީޖާއަކީ އެފަދަ އެއްބަސްވުމެއް އެމީހަކު ވުމަށް މެދުވެރިވުން ކަމާމެދު އިހުމާލުވުން؛ އަދި

(ށ) އެފަދައިން އެމީހަކު އެ އެއްބަސްވުން ވަނީ އޭނާ އަދާކުރަންޖެހިފައިވާ ނުވަތަ އަދާކުރަންޖެހިފައިވާ ކަމަށް ތުހުމަތުކުރެވޭ ދަރަންޏެއްގެ ނުވަތަ އެ އެއްބަސްވުން ވުމަށް ފަހުގައި އުފެދޭ ނުވަތަ އުފެދޭކަމަށް ތުހުމަތުކުރެވޭ ދަރަންޏެއްގެ މުގާބިލުގައި ކަމަށްވުން؛ އަދި

(ނ) އެ ދަރަންޏަކީ އެ މަސައްކަތާ ނުވަތަ ހިދުމަތާ އަޅާބަލާއިރު ނިސްބަތުން ބޮޑު އަދަދެއްގެ ދަރަންޏެއްކަން ކަނޑައެޅިގެން އެނގެން އޮތުން؛ ނުވަތަ

(ރ) އެ މަސައްކަތަކާ ނުވަތަ ހިދުމަތަކާ އެކަށީގެންވާ އަގެއް އެ ދަރަނި އަދާކުރުމުގައި ކަނޑައަޅާފައިނުވުން؛ ނުވަތަ

(ބ) ދަރަނީގެ ގޮތުގައި އަދާކުރަންޖެހޭ އަދަދެއް ކަނޑައެޅިފައިނެތުން؛ ނުވަތަ

(ޅ) އެ މަސައްކަތަކީ ނުވަތަ ހިދުމަތަކީ، އޭގެ ބާވަތް ކަނޑައެޅިފައިނުވާ ނުވަތަ މުއްދަތެއް ނުވަތަ ބޮޑުމިނެއް ކަނޑައެޅިފައިނުވާ މަސައްކަތެއް ނުވަތަ ހިދުމަތެއް ކަމުގައިވުން.

 

ހަތަރުވަނަ ބާބު

ކުށާއި އަދަބު

17 ވަނަ މާއްދާ - މީހުން ޓްރެފިކްކުރުމުގެ ކުށް

(ހ)  މީހުން ޓްރެފިކްކުރުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި ޓްރެފިކްކުރުން ކަމަށް ބުނެފައިއެވަނީ، ޓްރެފިކްކުރުމުގެ އަމަލެއް ކަމުގައި ބެލޭނެ ކަމަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ ކޮންމެ އަމަލެއް ހިމެނޭގޮތުންނެވެ. އޭގެ ތެރޭގައި، މި ގާނޫނުގެ 12 ވަނަ މާއްދާއާއި 13 ވަނަ މާއްދާއާއި 14 ވަނަ މާއްދާގައި ބަޔާންކުރާ އަމަލުތައް ހިމެނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.

 

18 ވަނަ މާއްދާ - ކުޑަކުދިން ޓްރެފިކްކުރުމުގެ ކުށް

(ހ) ކުޑަކުދިން ޓްރެފިކްކުރުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 15 (ފަނަރަ) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.

 

19 ވަނަ މާއްދާ - ޓްރެފިކްކުރަން އުޅުން ނުވަތަ ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ކުށް

(ހ)  މީހުން ޓްރެފިކްކުރަން އުޅުމަކީ ނުވަތަ ޓްރެފިކްކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 7 (ހަތެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.

 

20 ވަނަ މާއްދާ - ޓްރެފިކްކުރަން ރޭވުމާއި އަމުރުކުރުމުގެ ކުށް

(ހ) މީހުން ޓްރެފިކްކުރަން ރޭވުމަކީ ނުވަތަ އަމުރުކުރުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 7 (ހަތެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.

 

21 ވަނަ މާއްދާ - ކުށް ކުރާ ހާލަތަށް ބިނާކޮށް އަދަބު އިތުރުވުން

(ހ) މި ގާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއް ކުރިއިރު، އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް ވުޖޫދުގައިވާނަމަ، އެ ކުށް ކުރި މީހާގެ އަދަބަކީ، 15 (ފަނަރަ) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.

  1. އެ ކުށުގެ ސަބަބުން ޓްރެފިކްކުރެވޭ މީހާ ނުވަތަ އެހެން މީހަކު މަރުވުން ނުވަތަ ޓްރެފިކްކުރެވޭ މީހާއަށް ނުވަތަ އެހެން މީހަކަށް ނުރައްކާތެރި ހާނީއްކައެއްވުން؛
  2. ޓްރެފިކްކުރާ މީހާ އެ އަމަލު ހިންގީ ފަރުވާލެއްނެތް އަނިޔާވެރިކަމެއް ދެއްކުމާއެކު ކަމަށްވުން ނުވަތަ ޓްރެފިކްކުރެވޭ މީހާގެ ނުވަތަ އެހެން މީހެއްގެ ގަދަރާއި ކަރާމާތަށް ކަނޑައެޅިގެން ފަރުވާތެރިކަމެއް ބެހެއްޓުމަކާ ނުލައި ކަމަށްވުން؛
  3. ޓްރެފިކްކުރެވޭ މީހަކީ، ހާއްސަ އަޅާލުމެއް ބޭނުންވާ މީހެއް ކަމުގައިވުން؛
  4. ކުށް ކުރުމުގައި ހަތިޔާރެއް ބޭނުންކުރުން؛
  5. އެ ކުށުގެ ސަބަބުން ޓްރެފިކްކުރެވޭ މީހާގެ ފުރާނައަށް ނުރައްކާވާ ފަދަ ބައްޔެއް ޖެހުމުގެ ފުރުސަތު ފަހިވުން؛
  6. ޓްރެފިކްކުރެވޭ މީހާއަކީ ނަފްސާނީ ނުވަތަ ޖިސްމާނީ ނުކުޅެދުންތެރިކަމެއް ހުރި މީހަކު ކަމުގައިވުން؛
  7. ޓްރެފިކްކުރެވުނީ ކުޑަކުއްޖެއް ކަމުގައިވުން؛
  8. ޓްރެފިކްކުރެވުނީ އެކަކަށްވުރެ ގިނަ މީހުން ކަމުގައިވުން؛
  9. އެ ކުށްކުރީ، ކުށްކުރާ ޖަމާއަތަކުން ކަމުގައިވުން؛
  10. ޓްރެފިކްކުރުމުގެ އަމަލު ހިންގާފައިވަނީ، ޓްރެފިކްކުރެވޭ މީހާއަށް މަސްތުވާއެއްޗެއް ނުވަތަ އެހެންވެސް ބޭހެއް ދީގެން ކަމުގައިވުން؛
  11. އެ ކުށް ކުރުމުގައި ކުޑަކުއްޖަކު ބައިވެރިކުރުން؛
  12. ކުށް ކުރި ފަރާތަކީ ކުރިންވެސް އެފަދަ ކުށެއް އޭނާގެ މައްޗަށް ސާބިތުވެފައިވާ މީހެއް ކަމުގައިވުން؛
  13. ކުށް ކުރި ފަރާތަކީ ސިވިލް ސަރވިސްގެ މުވައްޒަފެއްކަމުގައިވުން ނުވަތަ ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ މުވައްޒަފެއް ކަމުގައިވުން؛
  14. ކުށް ކުރި ފަރާތަކީ، ޓްރެފިކްކުރެވޭ މީހާއާ ކާވެނިކޮށްގެންއުޅޭ މީހާ ކަމަށްވުން؛
  15. ޓްރެފިކްކުރެވޭ މީހާ އެއް ގައުމުން އެހެން ގައުމަކަށް ގެންދެވޭ ހިނދު ނުވަތަ ގެންދިޔުމަށްފަހު، ނުވަތަ އެއް ތަނުން އަނެއް ތަނަށް ގެންދެވޭ ހިނދު ނުވަތަ ގެންދިޔުމަށްފަހު އޭނާއާމެދު އެހެން މީހަކު އެކްސްޕްލޮއިޓޭށަންގެ އަމަލެއް ހިންގާނެކަން އެނގިހުރެ އެކަން ކުރުން؛
  16. ކުށް ކުރި ފަރާތަކީ، ޓްރެފިކްކުރެވޭ މީހާ އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު ކަމުގައިވުން.

(ށ) މި މާއްދާގައި ބަޔާންކުރާ ކުށެއްގެ ދައުވާ މީހެއްގެ މައްޗަށް އުފުލި، ށަރީއަތުން އެ މައްސަލައެއް ނިންމުމުގައި، މި މާއްދާގައި ބަޔާންކުރާ ކުށެއް ސާބިތުވާކަމަށް ފަނޑިޔާރަށް ނުފެނުނު ނަމަވެސް، މި ގާނޫނުގެ 17 ވަނަ މާއްދާ ނުވަތަ 18 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއް އޭނާ ކުރިކަމަށް ސާބިތުވާނަމަ، މި ގާނޫނުގެ 17 ވަނަ މާއްދާ ނުވަތަ 18 ވަނަ މާއްދާގައި ބަޔާންކުރާ ކުށްތަކުގެ ތެރެއިން އޭނާގެ މައްޗަށް ސާބިތުވާ ކުށާ ގުޅިގެން އޭނާގެ މައްޗަށް ހުކުމް ކަނޑައެޅުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

 

22 ވަނަ މާއްދާ - މީހުން ޓްރެފިކްކުރުމަށް މާއްދީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ކުށް

(ހ) ޓްރެފިކްކުރުމަށްޓަކައި ނުވަތަ ޓްރެފިކްކުރުމަށް މަގުފަހިވާނެ ގޮތަށް، މީހަކަށް ނުވަތަ ޖަމާއަތަކަށް މާއްދީ އެހީތެރިކަމާއި ވަސީލަތްތައް ފޯރުކޮށްދޭ މީހާ އެކުރަނީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 7 (ހަތެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.

 

23 ވަނަ މާއްދާ - ޓްރެފިކްކުރުމުގައި މާއްދީ މަންފާއެއް ލިބިގަތުމުގެ ކުށް

(ހ) ޓްރެފިކްކުރުމުގެ އަމަލެއް ހިންގައިގެން ނުވަތަ އެފަދަ އަމަލެއް ހިންގުމުގައި މީހަކު އެއްވެސް މަންފާއެއް ލިބިގަތުމަކީ، ނުވަތަ އެފަދަ މަންފާއެއް އެ އަމަލުން ލިބިގަތުމުގެ ނިޔަތް ގެންގުޅުމަކީ، ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 7 (ހަތެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.

 

24 ވަނަ މާއްދާ - މަސައްކަތް ކުރުމަށް ނުވަތަ ހިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ހާލަތު އޮޅުވާލުމުގެ ކުށް

(ހ) މީހަކު އެއް ގައުމުން އަނެއް ގައުމަށް ގެންދިޔުމަށް ނުވަތަ ބަދަލުކުރުމަށް ނުވަތަ ބެލެހެއްޓުމަށް ނުވަތަ ހަވާލުވުމަށް ގަސްދުގައި ރާވައި، ނުވަތަ އެއިން ކަމެއް ކުރުމަށް ގަސްދުގައި މަގުފަހިކުރުވައި؛ އަދި އެމީހަކު ގެންދެވޭ ގައުމުގައި އޭނާ މަސައްކަތް ކުރުމަށް ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުމަށް އިންތިޒާމު ހަމަޖެހިފައިވާނަމަ، އަދި އަންނަނިވި ކަންކަމުގެ ތެރެއިން ކަމަކާ ގުޅޭގޮތުން ވަކި އެއްޗެއް ދޭހަކޮށްދިނުމުގެ ގޮތުން އެ ގައުމަށް ގެންދެވޭ މީހާއަށް ނުވަތަ އޭނާ ތަމްސީލުކުރާ ފަރާތަކަށް ނުވަތަ ދައުލަތުގެ މުވައްޒަފަކަށް ގަސްދުގައި މައުލޫމާތެއް ދީފިނަމަ، އަދި އޭނާ އެކަން ކުރީ އެ މައުލޫމާތުގެ ތެރެއިން ނިސްބަތުން ބޮޑު ބައެއް އެއީ ރަނގަޅު ނޫން މައުލޫމާތުކަން އެނގިހުރެ ކަމުގައިވާނަމަ، އެކަން ކުރި މީހާ އެކުރީ ކުށެކެވެ.

  1. އެ ގައުމަށް ގެންދެވޭ މީހާ ކުރުމަށް ހަމަޖެހިފައިވާ މަސައްކަތުގެ ނުވަތަ ފޯރުކޮށްދޭން ހަމަޖެހިފައިވާ ހިދުމަތުގެ ބާވަތް ނުވަތަ ޒާތާ ގުޅޭގޮތުން؛ ނުވަތަ\
  2. އެ ގައުމަށް ގެންދެވޭ މީހާ ކުރުމަށް ހަމަޖެހިފައިވާ މަސައްކަތުގެ ނުވަތަ ފޯރުކޮށްދޭން ހަމަޖެހިފައިވާ ހިދުމަތުގެ ށަރުތުތަކާ ގުޅޭގޮތުން؛ ނުވަތަ
  3. އެ ގައުމަށް ގެންދެވޭ މީހާ ކުރުމަށް ހަމަޖެހިފައިވާ މަސައްކަތަށް ނުވަތަ ފޯރުކޮށްދޭން ހަމަޖެހިފައިވާ ހިދުމަތެއް ދިނުމަށް ކަނޑައަޅާފައިވާ އަގު ނުވަތަ އުޖޫރައާ ގުޅޭގޮތުން؛ ނުވަތަ
  4. އެ ގައުމުގައި އޭނާ މަސައްކަތްކުރާއިރު ނުވަތަ ހިދުމަތް ފޯރުކޮށްދޭއިރު އޭނާ ދިރިއުޅެން ހަމަޖެހިފައިވާ ތަނުގެ ފެންވަރާއި ހާލަތާ ގުޅޭގޮތުން؛ ނުވަތަ
  5. އެ ގައުމަށް ގެންދެވޭ މީހާ މަސައްކަތްކުރަންޖެހޭ މުއްދަތު ނުވަތަ ހިދުމަތް ފޯރުކޮށްދޭންޖެހޭ މުއްދަތާ ގުޅޭގޮތުން؛ ނުވަތަ
  6. އޭނާއަށް ލިބޭ ހުސްވަގުތުގައި އޭނާ އަމަލުކުރަންޖެހޭ އުސޫލުތަކާ ގުޅޭގޮތުން؛ ނުވަތަ
  7. އެ މަސައްކަތް ކުރުން ނުވަތަ ހިދުމަތް ފޯރުކޮށްދިނުން ހުއްޓާލަން ބޭނުންވެއްޖެ ހާލަތެއްގައި އެކަން ކުރެވޭނެ ގޮތާ ބެހޭގޮތުން؛ ނުވަތަ
  8. މި އަކުރުގެ (1) ވަނަ ނަންބަރުން ފެށިގެން (7) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައިވާ ކަންކަމުގެ ތެރެއިން އެއްވެސް ކަމެއް އޭނާއަށް ބަދަލުކުރެވިދާނެ ކަމާމެދު ނުވަތަ ބަދަލުކުރެވޭނަމަ، ބަދަލުކުރެވޭނެ މިންވަރާ ގުޅޭގޮތުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 7 (ހަތެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.

 

25 ވަނަ މާއްދާ - ޑެޓް ބޮންޑޭޖްގެ ކުށް

(ހ) ޑެޓް ބޮންޑޭޖްގެ އަމަލެއް ހިންގައިފި މީހާ އެކުރީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 7 (ހަތެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.

 

26 ވަނަ މާއްދާ - މީހުން އަދި މުދާ އުފުލާ ފަރާތްތަކުން ކުރާ ކުށް

(ހ) އުޅަނދެއްގެ ވެރިފަރާތް ނުވަތަ މާސްޓަރެއް ނުވަތަ އޭޖެންޓެއް ނުވަތަ އެ އުޅަނދެއް ޗާޓަރުކުރާ ނުވަތަ އޮޕަރޭޓްކުރާ ފަރާތަކުން ނުވަތަ ވިޔަފާރީގެ ބޭނުމަށް މުދާ ނުވަތަ މީހުން އުފުލުމުގެ މަސައްކަތްކުރާ މީހެއް ނުވަތަ ފަރާތެއް، ނުވަތަ އެއިން ފަރާތެއްގެ އޭޖެންޓަކު ގަސްދުގައި، މީހަކު ދިވެހިރާއްޖެއަށް އެތެރެކޮށްފިނަމަ، ނުވަތަ އެތެރެކުރަން މަސައްކަތްކޮށްފިނަމަ، ނުވަތަ އެތެރެކުރަން މެދުވެރިކުރުވައިފިނަމަ، އަދި އޭނާ އެކަން ކުރީ، އަންނަނިވި ހާލަތުތައް ވުޖޫދުގައިވަނިކޮށް ކަމަށްވާނަމަ، އެކަން ކުރި މީހާ އެކުރީ ކުށެކެވެ.

  1. ދިވެހިރާއްޖެއަށް އެތެރެކުރެވޭ މީހާއަކީ ދިވެހިރައްޔިތެއް ނޫންކަން އެނގިހުރެ ކަމަށްވެފައި، ދިވެހިރާއްޖެއަށް އެތެރެވުމަށް، އަދި އެތެރެވުމަށްފަހު ދިވެހިރާއްޖޭގައި ހުރުމަށް އަދި ދިވެހިރާއްޖެއިން ބޭރުވުމަށް ބޭނުންވާ ކާކުކަން އަންގައިދޭ ލިޔުމެއް ނުވަތަ ޓްރެވަލް ޑޮކިއުމަންޓެއް ނުވަތަ ވާރކް ޕާރމިޓެއް އޭނާގެ ކިބައިގައި ނެތްކަން އެނގިހުރެ ކަމަށްވުން؛ އަދި
  2. ދިވެހިރާއްޖެއަށް އެތެރެކުރެވޭ މީހާއަށް ގާނޫނާ ހިލާފު މަޖުބޫރުކުރުވުމެއް މީހަކު ކުރިމަތިކޮށްފިކަން ނުވަތަ ކޮށްފާނެކަން ނުވަތަ އޭނާއާމެދު އެކްސްޕްލޮއިޓޭށަންގެ އަމަލެއް ހިންގައިފިކަން ނުވަތަ ހިންގަފާނެކަމާމެދު އިހުމާލުވެހުރެ ކަމަށްވުން؛ އަދި
  3. އެ އުޅަނދެއްގައި ނުވަތަ ދިވެހިރާއްޖޭގައި އެފަދަ މީހަކު ވާކަން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ނާންގައިހުރުން.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ދިވެހިރާއްޖެއަށް އެތެރެކުރެވޭ މީހެއްގެ ކިބައިގައިވާ ލިޔެކިޔުމަކީ، ދިވެހިރާއްޖެއަށް އެތެރެވުމަށް ބޭނުންވާ ރަސްމީ ލިޔެކިޔުން ކަމަށް، އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް މި މާއްދާގެ (ހ) ގައި ބަޔާންކުރާ މީހަކަށް ނުވަތަ ފަރާތަކަށް ގަބޫލުކުރެވޭނަމަ، ނުވަތަ ދިވެހިރާއްޖެއަށް އައުމަށްޓަކައި އެންމެ ފަހުގެ ބަނދަރުން ފުރިއިރު އޭނާގެ ކިބައިގައި އެފަދަ ލިޔެކިޔުން ހުރިކަމަށްވާނަމަ، ނުވަތަ އެމީހާ ދިވެހިރާއްޖެއަށް އެތެރެވުމަށް މެދުވެރިވީ މި މާއްދާގެ (ހ) ގައި ބަޔާންކުރާ މީހެއް ނުވަތަ ފަރާތެއްގެ ބާރުން ބޭރުގައިވާ ކަމެއްގެ ސަބަބުން ކަމުގައިވާނަމަ، ނުވަތަ އޭނާ ދިވެހިރާއްޖެއަށް އެތެރެކުރެވުނީ، ކަނޑުމަތިން އޭނާ ސަލާމަތްކުރުމަށްފަހު ކަމުގައިވާނަމަ، އެ ހާލަތުގައި މި މާއްދާގެ (ހ) ގައި ބަޔާންކުރާ މީހަކު ކުށްވެރިވީ ކަމުގައެއް ނުބެލެވޭނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 7 (ހަތެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.

 

27 ވަނަ މާއްދާ - މަޖުބޫރުން ކުރުވާ މަސައްކަތުގެ ބޭނުން ހިފުމުގެ ކުށް

(ހ) ޓްރެފިކްކުރުމުގެ އަމަލުގެ ނަތީޖާއެއްގެ ގޮތުން ނުވަތަ ޓްރެފިކްކުރުމުގެ އަމަލު ހިންގުމުގެ ތެރޭގައި ޓްރެފިކްކުރެވޭ މީހަކު ކޮށްދޭ މަސައްކަތެއް ނުވަތަ ފޯރުކޮށްދޭ ހިދުމަތެއްގެ ބޭނުން އެއްވެސް މީހަކު ހިފައިފިނަމަ، ނުވަތަ އެ ހާލަތުގައި ޓްރެފިކްކުރެވޭ މީހާ ކުރާ މަސައްކަތަކުން ނުވަތަ ދޭ ހިދުމަތަކުން އެއްވެސް ފައިދާއެއް މީހަކު ހޯދައިފިނަމަ ނުވަތަ ލިބިގަނެއްޖެނަމަ، އެކަން ކުރި މީހާ އެކުރީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޓްރެފިކްކުރުމުގެ އަމަލުގެ ށިކާރައަކަށްވީ ކުޑަކުއްޖެއް ކަމުގައިވާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށް ކުރި މީހާގެ އަދަބަކީ، 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.

 

28 ވަނަ މާއްދާ - ލިޔެކިޔުން ތައްޔާރުކުރުމާއި ބަދަލުކުރުމުގެ ކުށް

(ހ) މި ގާނޫނުގެ 12 ވަނަ މާއްދާ ނުވަތަ 13 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއް ކުރުމަށްޓަކައި ނުވަތަ އެފަދަ ކުށެއް ކުރުމަށް މަގުފަހިކުރުމަށްޓަކައި މީހެއްގެ ކާކުކަން އަންގައިދޭ މައުލޫމާތު ހިމެނޭ ލިޔުމެއް ނުވަތަ ޓްރެވަލް ޑޮކިއުމަންޓެއް ގާނޫނާ ހިލާފަށް ތައްޔާރުކުރުމަކީ، ނުވަތަ އުފެއްދުމަކީ، ނުވަތަ ބަދަލުކުރުމަކީ، ނުވަތަ އެއިން އެއްޗަކަށް އުނިއިތުރު ގެނައުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.

 

29 ވަނަ މާއްދާ - ލިޔެކިޔުމާގުޅޭ އިތުރު ކުށް

(ހ) މި ގާނޫނުގެ 12 ވަނަ މާއްދާ ނުވަތަ 13 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއް ކުރުމަށްޓަކައި ނުވަތަ އެފަދަ ކުށެއް ކުރުމަށް މަގުފަހިކުރުމަށްޓަކައި މީހެއްގެ ކާކުކަން އަންގައިދޭ ލިޔުމެއް ނުވަތަ ޓްރެވަލް ޑޮކިއުމަންޓެއް ނަހަމަގޮތުގައި ބޭނުންކުރުމަށްޓަކައި އެއްވެސް އެއްޗެއް ހޯދައިދިނުމަކީ ނުވަތަ ގަތުމަކީ، ނުވަތަ ނައްތާލުމަކީ ނުވަތަ ފޮރުވުމަކީ ނުވަތަ ނެގުމަކީ ނުވަތަ ހިފެހެއްޓުމަކީ ނުވަތަ ބަދަލުކުރުމަކީ ނުވަތަ ނަކަލުކުރުމަކީ، ނުވަތަ އަތުގައި ބެހެއްޓުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.

 

30 ވަނަ މާއްދާ - ޓްރެފިކްކުރެވޭ މީހުންގެ ނުވަތަ ހެކީންގެ މައުލޫމާތު ހާމަކުރުމުގެ ކުށް

(ހ) ވަކި މީހަކީ، އޭނާ އަދާކުރާ ވަޒީފާގެ ގޮތުން ނުވަތަ މަގާމުގެ ހައިސިއްޔަތުން ޓްރެފިކްކުރެވޭ މީހެއް ނުވަތަ ޓްރެފިކްކުރުމުގެ ކުށަކާ ގުޅިގެން ހެކިބަސް ދޭ މީހެއްގެ މައުލޫމާތު އެނގޭ މީހެއް ކަމުގައިވެފައި، އެ މައުލޫމާތު ގާނޫނު ހުއްދަކުރާ ގޮތެއް ފިޔަވައި އެނޫން ގޮތަކަށް ހާމަކޮށްފިނަމަ، އެމީހަކު އެކުރަނީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކުރީ ދައުލަތުގެ މުވައްޒަފެއް ކަމުގައިވާނަމަ، އެ ކުށް ކުރި މީހާގެ އަދަބަކީ، 7 (ހަތެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.

 

ތިންވަނަ ބައި

ޓްރެފިކްކުރެވޭ މީހުންނަށް ލިބިދޭ ރައްކާތެރިކަން

 

ފަސްވަނަ ބާބު

ޓްރެފިކްކުރެވޭ މީހުންނާ ގުޅޭގޮތުން ފުރަތަމަ ފިޔަވަޅު އެޅުން

31 ވަނަ މާއްދާ - ޓްރެފިކްކުރެވޭ މީހެއް ކަމުގައި ބެލެވޭ މީހުން

ވަކި މީހަކާމެދު ޓްރެފިކްކުރުމުގެ އަމަލެއް ހިނގާކަމަށް ނުވަތަ ހިންގައިފިކަމަށް ގަބޫލުކުރުމުގައި އަންނަނިވި ފަރާތްތަކުގެ ތެރެއިން ފަރާތަކަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭނަމަ، އެ އަމަލު އެމީހަކާ ދެކޮޅަށް ހިންގޭ މީހާއަކީ، ޓްރެފިކްކުރެވޭ މީހެއް ކަމުގައި ބެލެވޭ މީހެކެވެ.

(ހ) ޑިޕާޓްމަންޓް އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަންގެ އޮފިސަރެއް؛

(ށ) މޯލްޑިވްސް ޕޮލިސް ސަރވިސްގެ އޮފިސަރެއް؛

(ނ) މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އޮފިސަރެއް؛

(ރ) ގާނޫނު ތަންފީޒުކުރާ އެނޫންވެސް އިދާރާއެއްގެ މުވައްޒަފެއް؛

(ބ) މިނިސްޓްރީ އޮފް ހެލްތުގެ ކަމާބެހޭ މުވައްޒަފެއް؛

(ޅ) ހިއުމަން ރިސޯސަސް މިނިސްޓްރީގެ ކަމާބެހޭ މުވައްޒަފެއް؛

(ކ) އިންސާނީ ހައްގުތަކާގުޅޭ މިނިސްޓްރީ ނުވަތަ ކުޑަކުދިންގެ ހައްގުތަކާގުޅޭ މިނިސްޓްރީގެ ކަމާބެހޭ އޮފިސަރެއް؛

(އ) މެޑިކަލް ޕްރެކްޓިށަނަރެއް ނުވަތަ ސިއްހީ މަސައްކަތްތެރިއެއް؛

(ވ) ސޯށަލް ވާރކަރެއް ނުވަތަ ސައިކޮލޮޖިސްޓެއް؛

(މ) ކުށުގެ ށިކާރައަކަށްވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާ އަމިއްލަ ޖަމްއިއްޔާއެއްގެ މުވައްޒަފެއް؛

(ފ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ އެނޫންވެސް ފަރާތެއް.

 

32 ވަނަ މާއްދާ - ޓްރެފިކްކުރެވޭ މީހުން ކަމުގައި ބެލެވޭ މީހުންގެ މައުލޫމާތު ހުށަހެޅުން

(ހ) ވަކި މީހަކީ، ޓްރެފިކްކުރެވޭ މީހެއް ކަމުގައި ބެލެވޭ މީހެއް ކަމަށް މި ގާނޫނުގެ 31 ވަނަ މާއްދާގައި ބަޔާންކުރާ ފަރާތްތަކުގެ ތެރެއިން ފަރާތަކަށް ގަބޫލުކުރެވުމުން، 7 (ހަތެއް) ދުވަހުގެ ތެރޭގައި އެމީހެއްގެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅައި، ކޮންޓްރޯލަރަށް އެކަމުގެ ނޯޓިސް ލިޔުމުން ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ކޮންޓްރޯލަރަށް އެންގުމަށްފަހު، ޓްރެފިކްކުރެވޭ މީހެއް ކަމަށް ބެލެވޭ މީހާއަށް އެކަން ލިޔުމުން އަންގައި، އޭނާ އެކަމުގައި އަމަލުކުރަން ނިންމާނެ ގޮތަކާމެދު ވިސްނުމަށް އޭނާއަށް ފުރުސަތު ދެވޭނެ ކަމާއި، އެ މުއްދަތުގައި ދިވެހިރާއްޖޭގައި ހުރުމުގެ ހައްގު އޭނާއަށް ލިބިގެންވާކަން އޭނާއަށް އެފަރާތުން އަންގަންވާނެއެވެ.

(ނ) ޓްރެފިކްކުރެވޭ މީހެއް ކަމަށް ބެލެވޭ މީހަކަށް މި މާއްދާގެ (ށ) ގެ ދަށުން އެންގުމެއް އަންގައިފިނަމަ، އޭނާ ކުރިއަށްދާން ނިންމާ ގޮތަކާމެދު ވިސްނުމަށް އޭނާއަށް މަދުވެގެން 90 (ނުވަދިހަ) ދުވަހުގެ ފުރުސަތެއް ދޭންވާނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި:

  1. ޓްރެފިކްކުރުމުގެ ކުށަކާ ގުޅިގެން ހިންގޭ ތަހްގީގެއްގައި ތަހްގީގުކުރާ އިދާރާއަށް އެއްބާރުލުން ދިނުމާމެދު އޭނާ ގޮތެއް ނިންމަންވާނެއެވެ؛ އަދި
  2. ޓްރެފިކްކުރެވޭ މީހުން ދެނެގަތުމާ ގުޅޭގޮތުން މި ގާނޫނުގެ 41 ވަނަ މާއްދާގެ ދަށުން އަމަލުކުރަންޖެހޭ އިޖުރާއަތުތައް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ފުރިހަމަކޮށް ނިންމަންވާނެއެވެ.

(ރ) ޓްރެފިކްކުރެވޭ މީހެއް ކަމަށް ބެލެވޭ މީހާ ކުރިއަށްދާން ނިންމާ ގޮތަކާމެދު ވިސްނުމަށް އޭނާއަށް މި މާއްދާގެ (ނ) ގެ ދަށުން ދޭ މުއްދަތުގައި އޭނާއަށް އަންނަނިވި ހައްގުތައް ލިބިގެންވެއެވެ.

  1. އެ މުއްދަތުގައި އޭނާ ދިވެހިރާއްޖޭގައި ހުރުމުގެ ހައްގު؛ އަދި
  2. އޭނާއަށް މި ގާނޫނުގެ ހަވަނަ ބާބުގައި ބަޔާންކޮށްފައިވާ ހައްގުތައް ލިބިދިނުމުގެ ހައްގު؛ އަދި
  3. އޭނާ ޑީޕޯޓްކުރަން ނިންމާފައިވާނަމަ، އެ ނިންމުން ތަންފީޒުނުކޮށް ފަސްކުރެވުން؛ ނުވަތަ އޭނާ ޑީޕޯޓްކުރުމަށް އަމުރެއް ނެރެފައިވާނަމަ، އެ އަމުރު ތަންފީޒުކުރުން ފަސްކުރެވުން.

(ބ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ މުއްދަތުގައި، ޓްރެފިކްކުރުމުގެ އަމަލާގުޅޭ ތަހްގީގު ކުރިއަށް ގެންދެވިދާނެއެވެ.

 

ހަވަނަ ބާބު

ޓްރެފިކްކުރެވޭ މީހުން ކަމުގައި ބެލެވޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުން

33 ވަނަ މާއްދާ - އެހީ ފޯރުކޮށްދޭނެ ހާލަތު

(ހ) ޓްރެފިކްކުރެވޭ މީހުން ކަމުގައި ބެލެވޭ މީހުންނަށް މި ބާބުގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭންވާނީ، އެފަދަ އެހީ ލިބިގަތުމަށް އެމީހުން ގަބޫލުވާނަމައެވެ.

(ށ) ޓްރެފިކްކުރެވޭ މީހަކު ކަމުގައި ބެލެވޭ މީހަކަށް މި ބާބުގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭންވާނީ:

  1. އޭނާ ދިވެހިރާއްޖެއަށް އެތެރެވެފައިވާ ގާނޫނީ ހައިސިއްޔަތަށް ބެލުމެއް ނެތި؛ ނުވަތަ
  2. ޓްރެފިކްކުރުމުގެ އަމަލާ ގުޅޭގޮތުން ހިންގޭ ތަހްގީގެއްގައި ނުވަތަ އުފުލިފައިވާ ދައުވާއެއްގައި ބައިވެރިވާން އޭނާ ބޭނުންވާ މިންވަރަށް ނުވަތަ އެކަން ކުރުމަށް އޭނާގެ ކިބައިގައި ހުރި ކުޅެދުންތެރިކަމަކަށް ބެލުމެއް ނެތި.

(ނ) ވަކި މީހަކީ، ޓްރެފިކްކުރެވޭ މީހަކު ކަމުގައި ބެލެވޭ މީހަކަށްވީތީ އޭނާ ހިފަހައްޓައިގެން ނުވާނެއެވެ. ނުވަތަ އޭނާ ދިވެހިރާއްޖެއަށް އެތެރެވެފައިވާ ގާނޫނީ ހައިސިއްޔަތާ ގުޅިގެން އޭނާ ހިފަހައްޓައިގެންނުވާނެއެވެ.

(ރ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި، ޓްރެފިކްކުރެވޭ މީހުން ކަމުގައި ބެލެވޭ މީހުންނާގުޅޭ މައްސަލަތައް ބެލުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރަންވާނެއެވެ.

 

34 ވަނަ މާއްދާ - މައުލޫމާތު ލިބިދިނުން

(ހ) ޓްރެފިކްކުރެވޭ މީހަކު ކަމުގައި ބެލެވޭ މީހަކަށް އަންނަނިވި މައުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ސާފުކޮށްދޭންވާނެއެވެ.

  1. ޓްރެފިކްކުރެވޭ މީހަކު ކަމުގައި ބެލެވޭ މީހަކަށް މި ގާނޫނުގެ ދަށުން ލިބެންހުރި ރައްކާތެރިކަމާގުޅޭ މައުލޫމާތު؛
  2. ޓްރެފިކްކުރެވޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ މަދަނީ ޖަމާއަތްތަކުން ލިބެން ހުރި އެހީގެ މައުލޫމާތު؛
  3. ޓްރެފިކްކުރެވޭ މީހަކު ކަމުގައި ބެލެވޭ މީހާ ނިސްބަތްވާ ގައުމުގެ އެމްބަސީ ނުވަތަ އެނޫންވެސް އެ ގައުމެއްގެ ރަސްމީ އިދާރާއަކާ ގުޅުމުގެ ހައްގު އޮތްކަން؛
  4. އޭނާއާގުޅޭ ތަހްގީގެއް ހިނގަމުންދާނަމަ ނުވަތަ އޭނާގެ މައްޗަށް ދައުވާ އުފުލިފައިވާނަމަ، އެކަމާގުޅޭ މައުލޫމާތު.

(ށ) ޓްރެފިކްކުރެވޭ މީހަކު ކަމުގައި ބެލެވޭ މީހަކަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މައުލޫމާތު ދިނުމުގައި، އޭނާއަށް ފަހުމްވާ ބަހަކުން އެކަންކަން ކިޔައިދިނުމަށް ވީވަރަކުން މަސައްކަތްކުރަންވާނެއެވެ. އަދި އޭނާއަކީ ލިޔަންކިޔަން ނޭނގޭ މީހެއްނަމަ، އޭނާއަށް އެ މައުލޫމާތު އަނގަބަހުން ކިޔައިދޭންވާނެއެވެ.

 

35 ވަނަ މާއްދާ - ހިދުމަތްތައް ލިބިދިނުން

ޓްރެފިކްކުރެވޭ މީހުން ކަމުގައި ބެލެވޭ މީހުންނަށް އަންނަނިވި ހިދުމަތްތައް ލިބިދެވޭނެ އިންތިޒާމު މިނިސްޓްރީން ހަމަޖައްސައިދޭންވާނެއެވެ.

(ހ) މި ގާނޫނުގެ 32 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގައި ހުންނަ މުއްދަތުގައި ދިރިއުޅުމަށް އެކަށީގެންވާ ތަނެއް އޭނާއަށް ހޯދައިދިނުން؛

(ށ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ސިއްހީ ފަރުވާ އޭނާއަށް ލިބިދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުން؛

(ނ) އޭނާގެ މައުލޫމާތު ހާމަނުވާނެ ގޮތެއްގެމަތިން، އޭނާއަށް ކައުންސެލިންގގެ ހިދުމަތް ފޯރުކޮށްދިނުން؛

(ރ) އަންނަނިވި ކަންކަމާ ގުޅޭގޮތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދިދާނެ ގޮތުގެ މައުލޫމާތު އޭނާއަށް ދިނުން:

  1. ޓްރެފިކްކުރުމުގެ އަމަލާ ގުޅޭގޮތުން ހިންގޭ ތަހްގީގެއްގައި ނުވަތަ
  2. އެ އަމަލާގުޅޭ ޖިނާއީ ށަރީއަތެއްގައި އޭނާއަށް އެހީތެރިވެދިނުމުގައި؛
  3. ދިވެހިރާއްޖެއަށް އެތެރެވުމަށް ގާނޫނީގޮތުން ބޭނުންވާ ހުއްދަތައް، އޭނާއަށް ހޯދައިދިނުމުގައި؛
  4. އޭނާއަކީ ޓްރެފިކްކުރެވޭ މީހެއްކަން ކަނޑައެޅިއްޖެ ހާލަތެއްގައި ބަދަލުހޯދުމުގެ މަދަނީ ދައުވާ އުފުލުމުގައި.

(ބ) މި ގާނޫނުގެ ދަށުން ލިބިދޭ އެހީތެރިކަން ހޯދުމަށްޓަކައި ތަރުޖަމާނެއްގެ އެހީ ބޭނުންވާނަމަ، އެފަދަ ތަރުޖަމާނެއްގެ ހިދުމަތް ފޯރުކޮށްދިނުން.

 

36 ވަނަ މާއްދާ - ޓްރެފިކްކުރެވޭ މީހުން ކަމުގައި ބެލެވޭ މީހުންނާ އިންޓަރވިއުކުރުން

ޓްރެފިކްކުރުމުގެ ކުށަކާ ގުޅިގެން ހިންގޭ ތަހްގީގެއްގައި ޓްރެފިކްކުރެވޭ މީހަކު ކަމުގައި ބެލެވޭ މީހަކާ އިންޓަރވިއުކުރަންވާނީ، އޭނާގެ ޒާތީ މައުލޫމާތު ރައްކާތެރިކޮށް ހިމާޔަތްކުރެވޭނެ ގޮތެއްގެމަތިން، އަދި އާންމުންނަށާއި ހަބަރުފަތުރާ ވަސީލަތްތަކަށް އޭނާއާބެހޭ މައުލޫމާތު ހާމަނުވާނެ ގޮތެއްގެމަތިންނެވެ.

 

37 ވަނަ މާއްދާ - ޓްރެފިކްކުރެވޭ މީހުން ކަމުގައި ބެލެވޭ މީހުންނަށް ހިމާޔަތް ދިނުން

(ހ) ޓްރެފިކްކުރެވޭ މީހަކު ކަމުގައި ބެލެވޭ މީހެއްގެ ސަލާމަތަށް ނުރައްކާވެއްޖެނަމަ، އޭނާއަށް ހިމާޔަތް ދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަޅަންވާނެއެވެ. ހާއްސަ ގޮތެއްގައި ޓްރެފިކްކުރުމުގެ ކުށަކާގުޅޭ ށަރީއަތެއްގައި ދައުވާލިބޭ މީހެއްގެ ފަރާތުން ކުރިމަތިވެދާނެ ބިރުދެއްކުމުގެ އަމަލަކުން އޭނާ ސަލާމަތްކޮށްދިނުމަށް މަސައްކަތްކުރަންވާނެއެވެ.

(ށ) ޓްރެފިކްކުރެވޭ މީހުން ކަމުގައި ބެލެވޭ މީހުންނަށް މި މާއްދާގެ ދަށުން ހިމާޔަތް ލިބިދެވޭނެ ދާއިރާއާއި، ހިމާޔަތް ދިނުމުގައި އަމަލުކުރާނެ އިޖުރާއަތުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި މިނިސްޓްރީން ކަނޑައަޅަންވާނެއެވެ.

 

38 ވަނަ މާއްދާ - ޓްރެފިކްކުރެވޭ ކަމަށް ބެލެވޭ ދިވެހިރައްޔިތުން ރާއްޖެ ގެނައުން

(ހ) ދިވެހިރާއްޖެއިން ބޭރުގައި ޓްރެފިކްކުރުމުގެ އަމަލެއް ހިނގަމުންދާ ކަމަށް ނުވަތަ ހިނގައިފިކަމަށް މިނިސްޓްރީއަށް ގަބޫލުކުރެވޭނަމަ، އަދި ޓްރެފިކްކުރެވޭ މީހެއް ކަމުގައި ބެލެވޭ މީހާއަކީ ދިވެހިރައްޔިތެއް ކަމުގައިވާނަމަ، އެކަށީގެންނުވާ ލަސްކުރުމެއް ނެތި، އަދި އޭނާގެ ހައްގުތަކަށާއި އޭނާގެ ސިއްހަތަށާއި، އެނޫންވެސް އޭނާއަށް ލިބިދޭންޖެހޭ ރައްކާތެރިކަމަށް ރިއާޔަތްކުރުމާއެކު، އޭނާ ދިވެހިރާއްޖެއަށް ގެނައުމަށް އެއްބަސްވެ، އޭނާ ގެނައުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމުގައި މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދިވެހިރާއްޖެއަށް ގެނެވޭ މީހަކީ، ދިވެހިރާއްޖެއަށް އެތެރެވުމަށް ބޭނުންވާ ލިޔެކިޔުން އޭނާގެ ކިބައިގައި ނެތް މީހެއް ކަމުގައިވާނަމަ، އޭނާގެ އެދުމުގެމަތިން ނުވަތަ ޓްރެފިކްކުރުމުގެ އަމަލާ ގުޅިގެން އޭނާ ގެންދެވިފައިވާ ގައުމުން އެދުމުން، އޭނާ ދިވެހިރާއްޖެއަށް އެތެރެވުމަށް ބޭނުންވާ ލިޔެކިޔުމާއި އެނޫންވެސް ހުއްދަތައް އޭނާއަށް ލިބިދިނުމަށް ކޮންޓްރޯލަރ ހަމަޖައްސަންވާނެއެވެ.

(ނ) ޓްރެފިކްކުރެވޭ މީހެއް ކަމުގައި ބެލެވޭ މީހަކީ ދިވެހިރައްޔިތެއް ކަމުގައިވާނަމަ، އަދި އޭނާ ދިވެހިރާއްޖެއަށް އައުމަށް އެދެފިނަމަ، އޭނާއާގުޅޭ މައުލޫމާތު ރައްކާކުރުމަކީ ނުވަތަ ބޭނުންކުރުމަކީ، ނުވަތަ އެއްވެސް ފަރާތަކަށް ހާމަކުރުމަކީ، އަންނަނިވި ކަންކަމަށް މަގުފަހިވެދާނެ ކަމެއް ކަމުގައިވާނަމަ، އެއިން ކަމެއް ދައުލަތުގެ އިދާރާއެއްގެ އެއްވެސް މުވައްޒަފަކު ނުވަތަ އެހެން މީހަކުވިޔަސް ކޮށްގެންނުވާނެއެވެ.

  1. އޭނާ ދިވެހިރާއްޖެއިން ފުރުމަށް ހުރަސްއެޅުން؛
  2. އޭނާ އެހެން ގައުމަކަށް ދިޔުމަށް ގާނޫނީގޮތުން ހުރަސްއެޅުން؛
  3. އޭނާއަކީ ޓްރެފިކްކުރެވޭ މީހެއް ކަމަށް ބެލެވޭ މީހަކަށްވީތީ، އޭނާއާމެދު ތަފާތުކުރުމުގެ ފުރުސަތު ފަހިވުން؛
  4. އޭނާގެ ސަލާމަތަށް ނުރައްކާވުން.

(ރ) މި މާއްދާގެ (ނ) ގެ ބޭނުމަށްޓަކައި ޓްރެފިކްކުރެވޭ މީހެއް ކަމުގައި ބެލެވޭ މީހަކާބެހޭ މައުލޫމާތުގެ ތެރޭގައި އޭނާ ދިވެހިރާއްޖެއަށް އަންނަން މެދުވެރިވި ސަބަބާއި، އޭނާއަކީ، ޓްރެފިކްކުރެވޭ މީހެއް ކަމުގައި ބެލެވޭ މީހެއް ކަމުގެ މައުލޫމާތު ހިމެނެއެވެ.

 

39 ވަނަ މާއްދާ - މައުލޫމާތާއި ލިޔެކިޔުން ކަށަވަރުކޮށްދިނުން

(ހ) އަންނަނިވި ކަންކަމުގެ ތެރެއިން ކަމަކާ ގުޅިގެން މައުލޫމާތެއް ކަށަވަރުކޮށްދިނުމަށް އެދި ބޭރު ގައުމެއްގެ ކަމާބެހޭ ފަރާތުން ދިވެހިސަރުކާރަށް ހުށަހަޅައިފި ހިނދެއްގައި، އެކަންކަން ސަރުކާރުގެ ކަމާބެހޭ އިދާރާއިން ކަށަވަރުކޮށްދޭންވާނެއެވެ.

  1. ޓްރެފިކްކުރެވޭ މީހަކު ކަމަށް ބެލެވޭ މީހަކީ ދިވެހިރައްޔިތެއްކަން؛
  2. ޓްރެފިކްކުރުމުގައި ބޭނުންކުރި ކަމަށް ބެލެވޭ ލިޔެކިޔުމަކީ، ދިވެހިސަރުކާރުގެ ނަމުގައި ދޫކޮށްފައިވާ ލިޔުމެއްނަމަ، އެ ލިޔުމެއްގެ ސައްހަކަން.

(ށ) ޓްރެފިކްކުރެވޭ މީހެއްކަމަށް ބެލެވޭ މީހަކީ، ދިވެހިރާއްޖެއަށް އެތެރެވުމަށް ބޭނުންވާ ލިޔެކިޔުން އެމީހެއްގެ ކިބައިގައި ނެތް މީހެއް ކަމުގައިވާނަމަ، އޭނާ ދިވެހިރާއްޖެއަށް އެތެރެވުމަށް ބޭނުންވާ ލިޔެކިޔުން ކޮންޓްރޯލަރ ދޫކުރަންވާނެއެވެ.

 

40 ވަނަ މާއްދާ - ޓްރެފިކްކުރެވޭ ބޭރު ގައުމުތަކުގެ މީހުން އަނބުރާ ގައުމަށް ފޮނުވާލުން

(ހ) ޓްރެފިކްކުރެވޭ މީހެއް ކަމަށް ބެލެވޭ މީހަކީ، ބޭރު ގައުމެއްގެ ރައްޔިތެއް ކަމުގައިވާނަމަ، ނުވަތަ ޓްރެފިކްކުރުމުގެ އަމަލު ހިނގި ކަމަށް ބެލެވޭ ވަގުތު އޭނާއަކީ ބޭރު ގައުމެއްގެ ދާއިމީ ރަށްވެއްސެއް ކަމުގައިވާނަމަ، އެ ގައުމަކަށް އޭނާ އެނބުރި ދިޔުމަށް އެދިއްޖެނަމަ، އޭނާ އެ ގައުމަށް ފޮނުވުމަށްޓަކައި ހަމަޖައްސައިދޭންޖެހޭ އިންތިޒާމުތައް މިނިސްޓްރީން ފޯރުކޮށްދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ބޭރު ގައުމަކަށް ފޮނުވޭ މީހަކު އެ ގައުމަށް ގެންދިޔުމަށްޓަކައި ބޭނުންވާ ލިޔެކިޔުމާއި އެނޫންވެސް ހުއްދަތައް އޭނާއަށް ލިބޭނެ އިންތިޒާމު ކޮންޓްރޯލަރ ހަމަޖައްސައިދޭންވާނެއެވެ.

(ނ) ޓްރެފިކްކުރެވޭ މީހެއް ކަމަށް ބެލެވޭ މީހާ މި މާއްދާގެ ދަށުން އޭނާގެ ގައުމަށް އަނބުރާ ފޮނުވާލައިފިނަމަ ނުވަތަ ޓްރެފިކްކުރުމުގެ އަމަލު ހިނގިއިރު އޭނާގެ ދާއިމީ ރަށްވެހިކަން އޮތް ގައުމަކަށް އޭނާ ފޮނުވާލައިފިނަމަ، އޭނާ ފޮނުވާލެވެނީ، އޭނާގެ ހައްގުތަކަށާއި އޭނާއަށް ލިބިދޭންޖެހޭ ރައްކާތެރިކަމަށާއި، އޭނާގެ މައްޗަށް އެއްވެސް ދައުވާއެއް އުފުލިފައިވާނަމަ، އެކަމަށްވެސް ރިއާޔަތްކުރުމާ އެކުގައިކަން އަދި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާ އެއްގޮތްވާ ގޮތުގެމަތިންކަން ސަރުކާރުގެ ކަމާބެހޭ ފަރާތުން ކަށަވަރުކުރަންވާނެއެވެ.

(ރ) ޓްރެފިކްކުރެވޭ މީހެއް ކަމުގައި ބެލެވޭ ބޭރު ގައުމެއްގެ ރައްޔިތަކު އޭނާގެ ގައުމަށް އަނބުރާ ދިޔުމަށް އެދެފިނަމަ، އޭނާއާގުޅޭ މައުލޫމާތު ރައްކާކުރުމަކީ ނުވަތަ ބޭނުންކުރުމަކީ، ނުވަތަ އެއްވެސް ފަރާތަކަށް ހާމަކުރުމަކީ، އަންނަނިވި ކަންކަމަށް މަގުފަހިވެދާނެ ކަމެއް ކަމުގައިވާނަމަ، އެއިން ކަމެއް ދައުލަތުގެ އިދާރާއެއްގެ އެއްވެސް މުވައްޒަފަކު ނުވަތަ އެހެން މީހަކުވިޔަސް ކޮށްގެންނުވާނެއެވެ.

  1. އޭނާ ދިވެހިރާއްޖެއިން ފުރުމަށް ހުރަސްއެޅިދާނެ ކަމެއް؛
  2. އޭނާ އެހެން ގައުމަކަށް ދިޔުމަށް ގާނޫނީގޮތުން ހުރަސްއެޅިދާނެ ކަމެއް؛
  3. އޭނާއަކީ ޓްރެފިކްކުރެވޭ މީހެއް ކަމަށް ބެލެވޭ މީހަކަށްވީތީ، އޭނާއާމެދު ތަފާތުކުރުމުގެ ފުރުސަތު ފަހިވުން؛
  4. އޭނާގެ ސަލާމަތަށް ނުރައްކާވުން.

(ބ) މި މާއްދާގެ (ރ) ގެ ބޭނުމަށްޓަކައި ޓްރެފިކްކުރެވޭ މީހެއް ކަމުގައި ބެލެވޭ މީހަކާބެހޭ މައުލޫމާތުގެ ތެރޭގައި އޭނާގެ ގައުމަށް އޭނާ އަނބުރާ ދިޔުމަށް މެދުވެރިވި ސަބަބާއި، އޭނާއަކީ، ޓްރެފިކްކުރެވޭ މީހެއް ކަމުގައި ބެލެވޭ މީހެއްކަމުގެ މައުލޫމާތު ހިމެނެއެވެ.

(ޅ) ޓްރެފިކްކުރެވޭ މީހެއް ކަމަށް ބެލެވޭ މީހާ ފޮނުވުމަށް އެދިފައިވާ ގައުމަށް އޭނާ ގެންގޮސްފިނަމަ، އެ ގައުމެއްގައި އޭނާއަށް އަނިޔާކޮށްފާނެ ކަމަށް ނުވަތަ އޭނާއަށް އަނިޔާވެރި އަދަބެއް ދީފާނެ ކަމަށް ނުވަތަ އޭނާއާމެދު ލާއިންސާނީ ގޮތަކަށް އަމަލުކޮށްފާނެ ކަމަށް ބެލުމުގައި އެކަށީގެންވާ ހެކި ހުރި ކަމުގައިވާނަމަ، މި މާއްދާގެ ދަށުން އެމީހަކު އެ ގައުމަށް އަނބުރާ ފޮނުވާލުމަށް ސަރުކާރުން ނިންމަންވާނީ، އެކަންކަމަށް ރިއާޔަތްކުރުމަށްފަހުގައެވެ.

(ކ) ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އެ މައުލޫމާތު ލިބިފައިހުރި މިންވަރަކުން، އަދި އެއީ އެ ހާލަތުގައި އެންމެ އެކަށީގެންވާ ގޮތް ކަމުގައިވާނަމަ، ޓްރެފިކްކުރެވޭ މީހެއް ކަމަށް ބެލެވޭ ބޭރު ގައުމުގެ ރައްޔިތަކު އޭނާގެ ގައުމަށް މި މާއްދާގެ ދަށުން އަނބުރާ ފޮނުވާލުމުގައި، އެ ގައުމުގެ އަންނަނިވި ތަންތަނާއި ފަރާތްތަކާބެހޭ މައުލޫމާތު، ފޯރުކޮށްދޭންވާނެއެވެ.

  1. ގާނޫނު ތަންފީޒުކުރާ އިދާރާތައް؛
  2. ޓްރެފިކްކުރެވޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ އިދާރާތައް؛
  3. ގާނޫނީ ވަކީލުން؛
  4. ކައުންސެލަރުން؛
  5. ސޯށަލް ވެލްފެއަރ އެޖެންސީތައް.

 

ހަތްވަނަ ބާބު

ޓްރެފިކްކުރެވޭ މީހުން ކަނޑައެޅުން

41 ވަނަ މާއްދާ - ޓްރެފިކްކުރެވޭ މީހެއްކަން ދެނެގަތުން

(ހ) ޓްރެފިކްކުރެވޭ މީހެއް ކަމަށް ބެލެވޭ މީހަކީ ހަގީގަތުގައިވެސް ޓްރެފިކްކުރެވޭ މީހެއްކަން ދެނެގަތުމާގުޅޭ އެންމެހައި ކަންކަން ކުރާނީ، މޯލްޑިވްސް ޕޮލިސް ސަރވިސްއިންނެވެ.

(ށ) ވަކި މީހަކީ ޓްރެފިކްކުރެވޭ މީހެއް ކަމަށް ބެލެވޭ މީހެއް ކަމުގައި މި ގާނޫނުގެ 31 ވަނަ މާއްދާގެ ދަށުން ކަނޑައަޅާފައިވާ ކޮންމެ މީހަކާ ގުޅޭގޮތުން، މި މާއްދާގައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އަމަލުކުރަންވާނެއެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެކަން ކުރަންވާނީ، މި ގާނޫނުގެ 32 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި އަދި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ނ) މި މާއްދާގައިވާ ގޮތުގެމަތިން ޓްރެފިކްކުރެވޭ މީހުން ދެނެގަތުމުގައި ޓްރެފިކްކުރެވޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ އަމިއްލަ ޖަމާއަތްތަކާއި އިދާރާތަކުގެ އެހީ ހޯދިދާނެއެވެ.

 

42 ވަނަ މާއްދާ - ޓްރެފިކްކުރެވޭ މީހުން ދެނެގަތުމާގުޅޭ އުސޫލުތައް ކަނޑައެޅުން

ޓްރެފިކްކުރެވޭ މީހުން ކަމަށް ބެލެވޭ މީހުންނަކީ ހަގީގަތުގައިވެސް ޓްރެފިކްކުރެވޭ މީހުންކަން ދެނެގަތުމަށްޓަކައި އެކަށައަޅަންޖެހޭ އުސޫލުތަކާއި އަމަލުކުރަންޖެހޭ އިޖުރާއަތުތައް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، މި ގާނޫނުގެ 60 ވަނަ މާއްދާއިން ގާއިމުކުރާ ވިލަރެސްކުރާ ކޮމިޓީން އެކުލަވާލަންވާނެއެވެ.

 

43 ވަނަ މާއްދާ - ޓްރެފިކްކުރެވޭ މީހެއްކަން ކަނޑައެޅުމުގެ މުއްދަތު އިތުރުކުރުން

(ހ) ވަކި މީހަކީ ޓްރެފިކްކުރެވޭ މީހެއް ކަމަށް ބެލެވޭ މީހެއް ކަމުގައި މި ގާނޫނުގެ 32 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި ކަނޑަނޭޅިއްޖެނަމަ، އެ މާއްދާގައި ބަޔާންކުރާ މުއްދަތު އިތުރުކުރުމުގެ އިހްތިޔާރު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން މުއްދަތު އިތުރުކޮށްފިނަމަ، ކޮންޓޯލަރަށާއި، މިނިސްޓްރީއަށާއި، ވަކި މީހަކީ ޓްރެފިކްކުރެވޭ މީހެއް ކަމަށް ބެލެވޭ މީހެއް ކަމުގައި މި ގާނޫނުގެ 31 ވަނަ މާއްދާގެ ދަށުން ކަނޑައެޅި ފަރާތަށް އަދި ޓްރެފިކްކުރެވޭ މީހެއް ކަމަށް ބެލެވޭ މީހާއަށް އެކަން އަންގަންވާނެއެވެ.

 

44 ވަނަ މާއްދާ - ޓްރެފިކްކުރެވޭ މީހެއްކަން ނުވަތަ ނޫންކަން ކަނޑައެޅުން

ޓްރެފިކްކުރެވޭ މީހެއް ކަމަށް ބެލެވޭ މީހަކީ ހަގީގަތުގައިވެސް ޓްރެފިކްކުރެވޭ މީހެއް ކަމުގައި ނުވަތަ އެފަދަ މީހެއް ނޫން ކަމުގައި މި ބާބުގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަނޑައަޅައިފިނަމަ، އެކަން، ކޮންޓޯލަރަށާއި، މިނިސްޓްރީއަށާއި، ވަކި މީހަކީ ޓްރެފިކްކުރެވޭ މީހެއް ކަމަށް ބެލެވޭ މީހެއް ކަމުގައި މި ގާނޫނުގެ 31 ވަނަ މާއްދާގެ ދަށުން ކަނޑައެޅި ފަރާތަށާއި ޓްރެފިކްކުރެވޭ މީހެއް ކަމަށް ބެލެވޭ މީހާއަށް އަންގަންވާނެއެވެ.

 

45 ވަނަ މާއްދާ - އިސްތިއުނާފުކުރުމުގެ ހައްގު

ޓްރެފިކްކުރެވޭ މީހެއް ކަމަށް ބެލެވޭ މީހަކީ ހަގީގަތުގައިވެސް ޓްރެފިކްކުރެވޭ މީހެއްކަން ނުވަތަ ޓްރެފިކްކުރެވޭ މީހެއް ނޫން ކަމުގައި މި ގާނޫނުގެ 44 ވަނަ މާއްދާގައިވާ ގޮތުގެމަތިން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަނޑައަޅާ ކަނޑައެޅުން އެމީހަކަށް ގަބޫލުނުކުރެވޭނަމަ، އެ ނިންމުން މިނިސްޓްރީގައި އިސްތިއުނާފުކުރުމުގެ ހައްގު އެމީހަކަށް ލިބިގެންވެއެވެ.

 

46 ވަނަ މާއްދާ - ޓްރެފިކްކުރެވޭ މީހެއް ކަމަށް ބެލެވޭ މީހަކީ ގާނޫނާ ހިލާފަށް ރާއްޖެ އެތެރެވެފައިވާ މީހެއް ކަމަށްވުން

(ހ) ޓްރެފިކްކުރެވޭ މީހެއް ކަމަށް ބެލެވޭ މީހަކީ ހަގީގަތުގައިވެސް ޓްރެފިކްކުރެވޭ މީހެއް ކަމުގައި މި ގާނޫނުގެ 44 ވަނަ މާއްދާގެ ދަށުން ކަނޑައެޅުމުގައި، އޭނާއަކީ ގާނޫނާ ހިލާފަށް ދިވެހިރާއްޖެއަށް އެތެރެވެފައިވާ ބިދޭސީއެއް ކަމުގައި އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ގަބޫލުކުރެވޭނަމަ، އެއީ، ގާނޫނާ ހިލާފަށް ދިވެހިރާއްޖެއަށް އެތެރެވެފައިވާ ބިދޭސީއެއް ކަމުގައި ކަނޑައަޅައި، އެފަދަ މީހުންނާމެދު އަމަލުކުރުމަށް ކަނޑައެޅިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން އޭނާއާމެދު އަމަލުކުރުމުގެ އިހްތިޔާރު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިގެންވެއެވެ.

(ށ) ޓްރެފިކްކުރެވޭ މީހެއް ކަމަށް ބެލެވޭ މީހާ ގާނޫނާ ހިލާފަށް ރާއްޖެއަށް އެތެރެވެފައިވަނީ ޓްރެފިކްކުރުމުގެ އަމަލެއްގެ ށިކާރައަކަށްވުމުގެ ސަބަބުން ކަމުގައިވާނަމަ، އެއީ މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި ގާނޫނާ ހިލާފަށް ދިވެހިރާއްޖެއަށް އެތެރެވެފައިވާ ބިދޭސީއެއް ކަމުގައެއް ނުބެލެވޭނެއެވެ.

 

47 ވަނަ މާއްދާ - ޓްރެފިކްކުރެވޭ މީހުން ކަމަށް ބެލެވޭ މީހުންނަށް ލިބިދޭ ރައްކާތެރިކަން ޓްރެފިކްކުރެވޭ މީހުންނަށް ލިބުން

(ހ) ވަކި މީހަކީ ޓްރެފިކްކުރެވޭ މީހެއް ކަމުގައި މި ބާބުގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަނޑައަޅައިފިނަމަ، މި ގާނޫނުގައި ޓްރެފިކްކުރެވޭ މީހުން ކަމުގައި ބެލެވޭ މީހުންނަށް ލިބިދޭ އެންމެހައި ހައްގުތަކާއި ރައްކާތެރިކަން އެމީހަކަށް ލިބިގެންވެއެވެ. އޭގެ ތެރޭގައި އަންނަނިވި ހައްގުތައް ހިމެނިގެންވެއެވެ.

  1. މައުލޫމާތު ލިބިދިނުމާ ގުޅޭގޮތުން މި ގާނޫނުގެ 34 ވަނަ މާއްދާގެ ދަށުން ލިބިދޭ ހައްގު؛
  2. މި ގާނޫނުގެ 35 ވަނަ މާއްދާގެ ދަށުން ލިބިދެވޭ ހިދުމަތްތައް ލިބިދިނުމުގެ ހައްގު؛
  3. އިންޓަރވިއުކުރުމުގައި އޭނާއާބެހޭ މައުލޫމާތު ހާމަނުކުރުމަށް މި ގާނޫނުގެ 36 ވަނަ މާއްދާގެ ދަށުން ލިބިދޭ ހައްގު؛
  4. މި ގާނޫނުގެ 37 ވަނަ މާއްދާގެ ދަށުން ލިބިދޭ ހިމާޔަތް ލިބިދިނުމުގެ ހައްގު؛
  5. ޓްރެފިކްކުރެވޭ މީހަކީ ދިވެހިރައްޔިތެއް ކަމުގައިވާނަމަ، މި ގާނޫނުގެ 38 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖެއަށް އައުމުގެ ހައްގު އަދި ދިވެހިރާއްޖެއަށް އައުމަށްޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމު ހަމަޖައްސައިދިނުމަށް ސަރުކާރަށް އޮންނަ ޒިންމާގެ ހައްގު؛
  6. މައުލޫމާތު ކަށަވަރުކޮށްދިނުމަށް ދައުލަތަށް އޮންނަ ޒިންމާގެ ހައްގު.

(ށ) ޓްރެފިކްކުރެވޭ މީހަކަށް މި މާއްދާގައި ބަޔާންކުރާ އެހީތެރިކަން ފޯރުކޮށްދޭންވާނީ، އޭނާ އެކަމަށް ގަބޫލުވާނަމައެވެ.

 

48 ވަނަ މާއްދާ - ސްޕެށަލް ވިޒާ ހަމަޖައްސައިދިނުން

(ހ) މި ގާނޫނުގެ 32 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތު ހަމަވުމުން، ޓްރެފިކްކުރެވޭ މީހަކާ ގުޅޭގޮތުން އަންނަނިވި ކަންކަން ފުރިހަމަވާނަމަ، އޭނާ ދިވެހިރާއްޖޭގައި ހުރުމަށްޓަކައި ކޮންޓްރޯލަރަށް ސްޕެށަލް ވިޒާއެއް ދޫކުރެވިދާނެއެވެ.

  1. ޓްރެފިކްކުރުމުގެ އަމަލާ ގުޅޭގޮތުން ދިވެހިރާއްޖޭގައި ހިންގޭ ތަހްގީގެއްގައި ތަހްގީގްކުރާ ފަރާތަށް އޭނާ އެއްބާރުލުންދެމުންދާނަމަ، ނުވަތަ އެފަދަ އެއްބާރުލުން ދިނުމަށް އެއްބަސްވެފައިވާނަމަ؛
  2. ޓްރެފިކްކުރުމުގެ ކުށަކާ ގުޅޭގޮތުން ދިވެހިރާއްޖޭގައި ހިންގޭ ޖިނާއީ ށަރީއަތެއްގައި ދައުވާކުރާ ފަރާތަށް އޭނާ އެއްބާރުލުންދެމުންދާނަމަ، ނުވަތަ އެފަދަ އެއްބާރުލުން ދިނުމަށް އެއްބަސްވެފައިވާނަމަ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދޫކުރެވޭ ވިޒާއެއްގެ މުއްދަތު، 3 (ތިނެއް) މަސް ދުވަހަށްވުރެ ކުރުވެގެންނުވާނެއެވެ. އަދި 12 (ބާރަ) މަސް ދުވަހަށްވުރެ ދިގުވެގެންނުވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން މީހަކަށް ސްޕެށަލް ވިޒާއެއް ދޫކޮށްފިނަމަ، ޓްރެފިކްކުރުމުގެ އެ އަމަލާ ގުޅޭގޮތުން ދިވެހިރާއްޖޭގައި ހިންގޭ ޖިނާއީ ށަރީއަތެއްގައި ދައުވާކުރާ ފަރާތުން އެދިއްޖެނަމަ ނުވަތަ މައްސަލަ ބަލާ ފަނޑިޔާރު އެދިއްޖެނަމަ، އެ ވިޒާގެ މުއްދަތު ކޮންޓްރޯލަރ އިތުރުކޮށްދޭންވާނެއެވެ.

(ރ) މި މާއްދާގެ (ހ) އާއި (ށ) އެހެން އޮތްނަމަވެސް، އިމިގްރޭށަންގެ ގާނޫނު ހުއްދަކުރާ ހާލަތުގައި، އެ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ޓްރެފިކްކުރެވޭ މީހަކަށް އެހެން ބާވަތެއްގެ ވިޒާއެއް ދޫކުރުމަށް ކޮންޓްރޯލަރަށް ލިބިގެންވާ އިހްތިޔާރަކަށް އެއްވެސް ހަނިކަމެއް ނާންނާނެއެވެ.

(ބ) ޓްރެފިކްކުރެވޭ މީހަކު ދިވެހިރާއްޖޭގައި ހުރުމުގެ ވިޒާއަކަށް އެދިއްޖެނަމަ، އޭނާއަކީ ޓްރެފިކްކުރުމުގެ އަމަލެއްގެ ސަބަބުން ދިވެހިރާއްޖެއަށް އެތެރެވެފައިވާ މީހަކަށްވީތީ ދިވެހިރާއްޖެއަށް އެތެރެވުމަށް ނުވަތަ ދިވެހިރާއްޖޭގައި ހުރުމަށް ބޭނުންވާނެ ލިޔެކިޔުން އޭނާގެ ކިބައިގައި ނެތް ކަމަށްޓަކައި އޭނާއަށް ވިޒާ ދޫނުކޮށް ހިފަހައްޓައިގެންނުވާނެއެވެ.

 

49 ވަނަ މާއްދާ - ގާނޫނާ ހިލާފަށް ރާއްޖެ އައިސްފައިވާ އައުމަށް ގާނޫނީގޮތުން ހިމާޔަތް ލިބިގެންވުން

ވަކި މީހަކީ ޓްރެފިކްކުރެވޭ މީހެއް ކަމަށް މި ގާނޫނުގެ 44 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކަނޑައެޅިފައިވާ މީހެއްނަމަ، އޭނާ ދިވެހިރާއްޖެއަށް އެތެރެވުމުގައި ގާނޫނާ ހިލާފުވެފައިވާނަމަ، ނުވަތަ އޭނާ ދިވެހިރާއްޖޭގައި ދެމިހުރީ ގާނޫނާ ހިލާފަށްކަމުގައިވާނަމަ، އެ ސަބަބަށްޓަކައި އޭނާގެ މައްޗަށް އެއްވެސް ދައުވާއެއް ކޮށްގެންނުވާނެއެވެ.

 

50 ވަނަ މާއްދާ - ޓްރެފިކްކުރެވޭ މީހާއަށް ލިބިދޭ އެހީ ނިމުމަކަށް އައުން

(ހ) އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، މި ގާނޫނުގެ ހަވަނަ ބާބު އަދި މި ބާބުގެ ދަށުން ޓްރެފިކްކުރެވޭ މީހަކަށް ލިބިދެވޭ އެހީ ލިބިދިނުން ނިމުމަކަށް އަންނާނެއެވެ.

  1. ޓްރެފިކްކުރެވޭ މީހުން ދެނެގަތުމާ ގުޅޭގޮތުން މި ގާނޫނުގެ 41 ވަނަ މާއްދާގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަމަލުކުރަންޖެހޭ އިޖުރާއަތުތަކަށް އަމަލުކޮށް ނިމުމުން؛
  2. އޭނާއަކީ ޓްރެފިކްކުރެވޭ މީހެއް ނޫން ކަމަށް މި ގާނޫނުގެ 44 ވަނަ މާއްދާގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަނޑައެޅުން.

(ށ) ޓްރެފިކްކުރެވޭ މީހަކަށް ލިބިދެވޭ އެހީ މި މާއްދާގެ ދަށުން ހުއްޓާލުމުގައި އަމަލުކުރާނެ އިޖުރާއަތުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

51 ވަނަ މާއްދާ - ޓްރެފިކްކުރެވޭ މީހުންގެ އާއިލާގެ މީހުންނަށް ލިބިދޭ ރައްކާތެރިކަން

(ހ) ވަކި މީހަކީ ޓްރެފިކްކުރެވޭ މީހެއްކަން މި ގާނޫނުގެ 44 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކަނޑައެޅުނުއިރު، އޭނާގެ އާއިލާގެ މެންބަރަކު ހުރީ ދިވެހިރާއްޖޭގައި ކަމަށްވާނަމަ، ޓްރެފިކްކުރެވޭ މީހާއަށް މި ގާނޫނުގެ 35 ވަނަ މާއްދާގެ ދަށުން ލިބިދޭ ހައްގުތައް، އޭނާގެ އާއިލާގެ މީހުންނަށްވެސް ލިބިގެންވެއެވެ.

(ށ) ޓްރެފިކްކުރެވޭ މީހުންގެ އާއިލާގެ މީހުންނަށް މި މާއްދާގެ (ހ) ގެ ދަށުން ލިބިދެވޭ ރައްކާތެރިކަން، ޓްރެފިކްކުރުމުގެ ކުށުގެ ޖިނާއީ ށަރީއަތެއްގައި ހެކިބަސް ދޭ މީހުންގެ އާއިލާގެ މެންބަރުންނަށްވެސް ލިބިގެންވެއެވެ.

 

އަށްވަނަ ބާބު

ޓްރެފިކްކުރެވޭ ކުޑަކުދިންނަށް ލިބިދޭ ހިމާޔަތް

52 ވަނަ މާއްދާ - ކުޑަކުދިންނަށް ހާއްސަ ރައްކާތެރިކަމެއް ލިބިދިނުން

މި ގާނޫނުގެ އެހެން މާއްދާތަކުގެ ދަށުން ޓްރެފިކްކުރެވޭ ނުވަތަ ޓްރެފިކްކުރެވޭ މީހެއް ކަމަށް ބެލެވޭ ކޮންމެ މީހަކަށްމެ ލިބިދޭ ރައްކާތެރިކަން ލިބުމުގެ އިތުރުން، ޓްރެފިކްކުރެވޭ ކުޑަކުދިންނަށް އަންނަނިވި ރައްކާތެރިކަން ލިބިގެންވެއެވެ.

(ހ) މި ގާނޫނުގެ ދަށުން ލިބިދޭ ރައްކާތެރިކަން ލިބިދިނުމުގައި، ކުޑަކުއްޖަކަށްވީތީ ހާއްސަ ސަމާލުކަމެއް އަދި ރައްކާތެރިކަމެއް ލިބިދިނުން؛

(ށ) ޓްރެފިކްކުރެވޭ މީހެއްގެ އުމުރު ޔަގީންނުކުރެވޭ ހާލަތެއް މެދުވެރިވެއްޖެނަމަ އަދި އެއީ ކުޑަކުއްޖެއް ކަމުގައި ބެލުމުގައި އެކަށީގެންވާ ހެކި ލިބިފައިވާނަމަ، އޭނާގެ އުމުރު ޔަގީންކުރެވެންދެން އެއީ ކުޑަކުއްޖެއް ކަމުގައި ބަލައި، ކުޑަކުއްޖަކާ ގުޅޭގޮތުން މި ގާނޫނުގައި ބަޔާންކުރާ އުސޫލުން އޭނާއާމެދު އަމަލުކުރުން؛

(ނ) ޓްރެފިކްކުރެވޭ ކުޑަކުއްޖަކީ، އޭނާއަށް ޒިންމާވާނެ މީހެއްގެ ހަވާލުގައި ނުވާ ކުއްޖެއް ކަމުގައިވާނަމަ، މިނިސްޓްރީން އަންނަނިވި ގޮތުގެމަތިން އަމަލުކުރުން:

  1. އެކުއްޖާގެ މަސްލަހަތު ދިފާއުކުރުމަށްޓަކައި ގާނޫނީ ބަލަދުވެރިއެއް އައްޔަންކުރުން؛
  2. އެކުއްޖާގެ ގައުމީ ނިސްބަތާއި އެ ކުއްޖާއަކީ ކާކުކަން ދެނެގަތުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛
  3. އެކުއްޖާގެ މަސްލަހަތަށް އެންމެ ރަނގަޅު ގޮތަކީ އޭނާގެ އާއިލާ ހޯދުން ކަމުގައިވާނަމަ، އޭނާގެ އާއިލާ ހޯދުމަށްޓަކައި ކުރެވެންހުރި މަސައްކަތެއް ކުރުން؛
  4. ޓްރެފިކްކުރެވޭ ކުޑަކުއްޖާއަށް މައުލޫމާތު ދޭއިރު، އެކުއްޖާއަށް އެނގޭ ބަހަކުން އަދި އޭނާއަށް ދޭހަވާ ބަހުރުވައަކުން މައުލޫމާތު ދިނުން؛
  5. ޓްރެފިކްކުރެވޭ ކުޑަކުއްޖަކާ ސުވާލުކުރަންޖެހިއްޖެނަމަ ނުވަތަ އޭނާ ބަލައި ފާސްކުރަން ޖެހިއްޖެނަމަ، ކުޑަކުދިންނާ ގުޅޭގޮތުން އެފަދަ ކަންކަމަށް ތަމްރީނު ލިބިފައިވާ ހާއްސަ ބަޔަކު މެދުވެރިކޮށް، އަދި ކުޑަކުއްޖަކަށް އެކަށީގެންވާ މާހައުލެއްގައި، އޭނާއަށް އެނގޭ ބަހަކުން އަދި އޭނާއަށް ދޭހަވާ ބަހުރުވައަކުން އަދި އޭނާގެ ބެލެނިވެރިޔާ ނުވަތަ ގާނޫނީ ބަލަދުވެރިޔާ ނުވަތަ އޭނާގެ މަސްލަހަތު ދިފާއުކުރުމަށް ކަނޑައެޅޭ އެހެން މީހެއްގެ ހާޒިރުގައި އެކަން ކުރުން.

 

53 ވަނަ މާއްދާ - ށަރީއަތާ ގުޅިގެން ކުޑަކުދިންނަށް ލިބިދޭ ހިމާޔަތް

ޓްރެފިކްކުރުމުގެ ކުށަކާ ގުޅިގެން ހިންގޭ ށަރީއަތެއްގައި ޓްރެފިކްކުރެވޭ ކުޑަކުއްޖަކު ހިމެނޭނަމަ، އެ މައްސަލައެއްގެ އަޑުއެހުންތައް ކުރިއަށްގެންދަންވާނީ، އާންމުންނަށް ހުޅުވާލެވިފައިނުވާ ށަރީއަތުގެ މަޖިލީހެއްގައެވެ. އަދި ޓްރެފިކްކުރެވޭ ކުޑަކުއްޖަކު އެފަދަ ށަރީއަތެއްގައި ހެކިބަސް ދޭންޖެހިއްޖެނަމަ، އެކުއްޖާގެ ހެކިބަސް ނަގަންވާނީ، ކުށުގެ ތުހުމަތުކުރެވޭ ފަރާތަށް އޭނާ ނުފެންނާނެ ފަދައަކުންނެވެ.

 

54 ވަނަ މާއްދާ - ޓްރެފިކްކުރެވޭ ކުޑަކުދިން އަދި ޓްރެފިކްކުރެވޭ ކުޑަކުދިން ކަމުގައި ބެލެވޭ ކުދިން

މި ބާބުގެ ބޭނުމަށްޓަކައި، ޓްރެފިކްކުރެވޭ ކުޑަކުއްޖެއްގެ މާނައިގެ ތެރޭގައި ޓްރެފިކްކުރެވޭ ކުޑަކުއްޖެއްކަމަށް ބެލެވޭ ކުދިންނާއި ޓްރެފިކްކުރެވޭ ކުޑަކުއްޖެއް ކަމުގައި ކަނޑައެޅޭ ކުދިން ހިމެނެއެވެ.

 

ނުވަވަނަ ބާބު

ށަރީއަތުގެ މަރުހަލާގައި ލިބިދެވޭ ރައްކާތެރިކަން

55 ވަނަ މާއްދާ - ށަރީއަތުގެ މަރުހަލާގައި ރައުޔު ހާމަކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުން

(ހ) ޓްރެފިކްކުރުމުގެ ކުށަކާ ގުޅޭގޮތުން ހިންގޭ ޖިނާއީ ށަރީއަތެއްގައި، އެ މައްސަލައިގައި ޓްރެފިކްކުރެވުނު މީހާގެ ރައުޔު ހާމަކުރުމުގެ ފުރުސަތު ނުވަތަ އޭނާގެ މަސްލަހަތު ދިފާއުކުރުމުގެ ފުރުސަތު، ކުށުގެ ދައުވާ އުފުލިފައިވާ ފަރާތުގެ ހައްގުތަކަށް އުނިކަމެއް ނާންނާނެ ގޮތެއްގެމަތިން ޓްރެފިކްކުރެވޭ މީހާއަށް މައްސަލަ ބަލާ ފަނޑިޔާރު ފޯރުކޮށްދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދެވޭ ފުރުސަތެއްގައި ޓްރެފިކްކުރެވޭ މީހާ ހާމަކުރާ މައުލޫމާތަށް ނުވަތަ ދައްކާ ވާހަކައަށް ފަނޑިޔާރު ރިއާޔަތްކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ށަރީއަތެއްގައި، ޓްރެފިކްކުރެވޭ މީހާ އަމިއްލައަށް ނުވަތަ ބަދަލުގައި އައްޔަންކުރާ ފަރާތެއް ނުވަތަ ގާނޫނީ ވަކީލެއް މެދުވެރިކޮށް އޭނާގެ ބަޔާން ހުށަހެޅިދާނެއެވެ.

 

56 ވަނަ މާއްދާ - ށަރީއަތުގެ އަޑުއެހުމުގައި ލިބިދޭ ރައްކާތެރިކަން

(ހ)  މި ގާނޫނުގެ 55 ވަނަ މާއްދާގައި ބަޔާންކުރާ ށަރީއަތަކަށް ޓްރެފިކްކުރެވޭ މީހާ ހާޒިރުވެ ބަޔާންދިނުމުގައި، ފަނޑިޔާރަށް އަންނަނިވި ކަންކަން ހަމަޖައްސައިދެވިދާނެއެވެ.

  1. ށަރީއަތުގެ އަޑުއެހުންތައް އާންމުނުކޮށް ކުރިއަށް ގެންދިޔުމަށް؛ ނުވަތަ
  2. ށަރީއަތުގެ އަޑުއެހުންތަކުގައި ދައްކާ ވާހަކަތަކުގެ ރެކޯޑިންގ ސިއްރުކުރުމަށް؛ ނުވަތަ
  3. ޓްރެފިކްކުރެވޭ މީހާގެ ބަޔާން، ކުށުގެ ތުހުމަތުގައިވާ މީހާއަށް އޭނާ ނުފެންނަ ގޮތަށް ނުވަތަ އޭނާއަކީ ކާކުކަން ނޭނގޭނެ ގޮތަށް ނެގުން؛ ނުވަތަ
  4. ށަރީއަތުގައި ޓްރެފިކްކުރެވޭ މީހާއަށް ހަވާލާދިނުމުގައި އޭނާގެ ހަގީގީ ނަން ބޭނުންނުކުރުން؛ ނުވަތަ
  5. ޓްރެފިކްކުރެވޭ މީހާ ތަހްގީގު މަރުހަލާގައި، ފަނޑިޔާރެއްގެ ކުރިމަތީގައި ދީފައިވާ ބަޔާނެއް ހެކީގެ ގޮތުގައި އެ ށަރީއަތަށް ބަލައިގަތުން.

(ށ) ބަލަމުންދާ މައްސަލައާ ގުޅުމެއް ނެތް ނުވަތަ ބޭއަދަބީ ސުވާލު ޓްރެފިކްކުރެވޭ މީހާއާ ކުރުމުގެ ފުރުސަތު މައްސަލަ ބަލާ ފަނޑިޔާރު ދީގެންނުވާނެއެވެ.

 

57 ވަނަ މާއްދާ - ހެކިބަސްދޭ މީހުންނަށް ލިބިދޭ ހިމާޔަތް

(ހ) ޓްރެފިކްކުރުމުގެ ކުށަކާ ގުޅޭގޮތުން ހިންގޭ ޖިނާއީ ށަރީއަތެއްގައި ދައުވާކުރާ ފަރާތުގެ ހެއްކެއްގެ ގޮތުގައި ހެކިބަސްދޭ މީހާއަށް މި ގާނޫނުގެ 56 ވަނަ މާއްދާގައި ބަޔާންކުރާ ހިމާޔަތް ލިބިދިނުމުގެ ހައްގު ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހެކިބަސްދޭ މީހަކަށް، އޭނާ ހެކިބަސްދޭ މައްސަލައިގެ މައުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދޭންވާނެއެވެ.

(ނ) ހެކިބަސްދޭ މީހަކާ އިންޓަރވިއުކުރަންވާނީ، އޭނާގެ ޒާތީ މައުލޫމާތު ރައްކާތެރިކޮށް ހިމާޔަތްކުރެވޭނެ ގޮތެއްގެމަތިން، އަދި އާންމުންނަށާއި ހަބަރުފަތުރާ ވަސީލަތްތަކަށް އޭނާއާބެހޭ މައުލޫމާތު ހާމަނުވާނެ ގޮތެއްގެމަތިންނެވެ.

(ރ) ހެކިބަސްދޭ މީހެއްގެ ސަލާމަތަށް ނުރައްކާވެއްޖެނަމަ، އޭނާއަށް ހިމާޔަތް ދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަޅަންވާނެއެވެ. ހާއްސަ ގޮތެއްގައި ޓްރެފިކްކުރުމުގެ ކުށަކާގުޅޭ ށަރީއަތެއްގައި ދައުވާލިބޭ މީހެއްގެ ފަރާތުން ކުރިމަތިވެދާނެ ބިރުދެއްކުމުގެ އަމަލަކުން އޭނާ ސަލާމަތްކޮށްދިނުމަށް މަސައްކަތްކުރަންވާނެއެވެ.

 

58 ވަނަ މާއްދާ - ގެއްލުމުގެ ބަދަލު ހޯދުމަށް މަދަނީ ދައުވާކުރުން

(ހ) މީހުން ޓްރެފިކްކުރުމުގެ ކުށަކާ ގުޅިގެން ޓްރެފިކްކުރެވޭ މީހާއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރުމުގެ ހައްގު އޭނާއަށް ލިބިގެންވެއެވެ.

(ށ) ޓްރެފިކްކުރުމުގެ ކުށަކާގުޅޭ ޖިނާއީ ދައުވާއެއް އުފުލިފައި އޮތުމަކީ، ނުވަތަ ށަރީއަތެއް ކުރިއަށްދިޔުމަކީ، އެ އަމަލާ ގުޅޭގޮތުން މި މާއްދާގެ (ހ) ގެ ދަށުން މަދަނީ ދައުވާއެއް އުފުލުމަށް އޮތް ހުރަހެއް ކަމުގައެއް ނުބެލެވޭނެއެވެ.

 

59 ވަނަ މާއްދާ - ބަދަލު ލިބިދިނުމަށް ކޯޓުން ކަނޑައެޅުން

(ހ) މި ގާނޫނުގެ ދަށުން މީހުން ޓްރެފިކްކުރުމުގެ ކުށެއް އެމީހެއްގެ މައްޗަށް ސާބިތުވެއްޖެ މީހަކަށް ކޯޓުން ކަނޑައަޅާ އުގޫބާތެއްގެ އިތުރުން، އޭނާ ކުރި ކުށުގެ ސަބަބުން ގެއްލުން ލިބުނު ފަރާތަށް ބަދަލުދިނުމަށް ކޯޓުން އަމުރުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ބަދަލުދިނުމަށް ކޯޓުން އަމުރުކުރުމުގައި، ކުށް ސާބިތުވެފައިވާ މީހާގެ މާލީ ތަނަވަސްކަން ހުރި މިންވަރަށާއި، ބަދަލު އަދާކުރުމުގެ ގާބިލުކަން އޭނާގެ ކިބައިގައި ހުރި މިންވަރަށް ފަނޑިޔާރު ރިއާޔަތްކުރަންވާނެއެވެ.

 

ހަތަރުވަނަ ބައި

މީހުން ޓްރެފިކްކުރުން ހުއްޓުވުމާގުޅޭ

 

ދިހަވަނަ ބާބު

ވިލަރެސްކުރާ ކޮމިޓީ

60 ވަނަ މާއްދާ - ޓްރެފިކްކުރުމާގުޅޭ ކަންކަން ވިލަރެސްކުރާ ކޮމިޓީ

(ހ) މި ގާނޫނުގެ ދަށުން ހިންގަންޖެހޭ ކަންކަން އެގޮތުގައި ހިނގަމުންދޭތޯ ބެލުމަށާއި، މި ގާނޫނުގެ ދަށުން ދައުލަތުގެ އެކިއެކި އިދާރާތަކުން އަޅަމުންދާ ފިޔަވަޅުތައް މި ގާނޫނުގައި ބަޔާންވެގެންވާ ގޮތުގެމަތިން އަޅަމުންދޭތޯ ބެލުމަށްޓަކައި، ޓްރެފިކްކުރުމާގުޅޭ ކަންކަން ވިލަރެސްކުރާ ކޮމިޓީއެއް، މި ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދަންވާނެއެވެ.

(ށ) މި މާއްދާގެ ދަށުން އުފައްދާ ކޮމިޓީ އެކުލެވިގެންވާނީ، އަންނަނިވި ދާއިރާތަކުން އައްޔަންކުރެވޭ 14 (ސާދަ) މެންބަރުންގެ މައްޗަށެވެ.

  1. ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ އެ މަޖިލީހުގެ މެންބަރެއް؛
  2. ސުޕްރީމް ކޯޓުން ކަނޑައަޅާ އެ ކޯޓުގެ ފަނޑިޔާރެއް؛
  3. ހިއުމަން ރައިޓްސް ކޮމިށަނުން ކަނޑައަޅާ އެ ކޮމިށަނުގެ މެންބަރެއް؛
  4. މިނިސްޓްރީން ކަނޑައަޅާ އެ މިނިސްޓްރީގެ މުވައްޒަފެއް؛
  5. އެޓަރނީ ޖެނެރަލް ކަނޑައަޅާ އެ އޮފީހުގެ ގާނޫނީ ވަކީލެއް؛
  6. ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ އެ އޮފީހުގެ ގާނޫނީ ވަކީލެއް؛
  7. ކޮންޓްރޯލަރ ކަނޑައަޅާ ޑިޕާޓްމަންޓް އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަންގެ މުވައްޒަފެއް؛
  8. މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ކަނޑައަޅާ އެ މިނިސްޓްރީގެ މުވައްޒަފެއް؛
  9. މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަނޑައަޅާ އެ ސަރވިސްގެ އޮފިސަރެއް؛
  10. މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ކަނޑައަޅާ އެ ސަރވިސްގެ އޮފިސަރެއް؛
  11. ލޭބަރ ރިލޭށަންސް އޮތޯރިޓީން ކަނޑައަޅާ އެ އޮތޯރިޓީގެ މުވައްޒަފެއް؛
  12. މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ އެ މިނިސްޓްރީގެ މުވައްޒަފެއް؛
  13. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅާ އެ މިނިސްޓްރީގެ މުވައްޒަފެއް؛
  14. މީހުން ޓްރެފިކްކުރުން ހުއްޓުވުމަށް މަސައްކަތްކުރާ އަމިއްލަ ޖަމްއިއްޔާއަކުން ހުށަހަޅާ އެ ޖަމްއިއްޔާގެ މެންބަރެއް.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ކޮމިޓީއަށް އައްޔަންކުރެވޭ މެންބަރުން ވާންވާނީ ކޮމިޓީގެ މަގްސަދުތައް ހާސިލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ގާބިލު ބައެއް ކަމުގައެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކޮމިޓީ، މި ގާނޫނަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އައްޔަންކުރަންވާނެއެވެ.

 

61 ވަނަ މާއްދާ - ކޮމިޓީގެ ރައީސް

(ހ) ކޮމިޓީގެ ރައީސަކީ، ކޮމިޓީގައި މިނިސްޓްރީ ތަމްސީލުކުރާ މެންބަރެވެ.

(ށ) ކޮމިޓީގެ މަސައްކަތްތައް ރާވައި، ކޮމިޓީގެ ބައްދަލުވުންތައް އިންތިޒާމުކުރާނީ ކޮމިޓީގެ ރައީސެވެ.

 

62 ވަނަ މާއްދާ - ކޮމިޓީގެ މަސްއޫލިއްޔަތުތައް

(ހ) މި ގާނޫނުގެ 60 ވަނަ މާއްދާގެ ދަށުން އުފައްދާ ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

  1. ޓްރެފިކްކުރުމުގެ އަމަލުތައް ހުއްޓުވުމަށްޓަކައި އެކި މުއްދަތުތަކުގައާއި ހާލަތްތަކުގައި އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުން؛
  2. ޓްރެފިކްކުރުމުގެ އަމަލުތައް ހުއްޓުވުމާ ގުޅޭގޮތުން ސަރުކާރުން ކަނޑައަޅާ ސިޔާސަތުތައް، ސަރުކާރުގެ އިދާރާތަކުން ތަންފީޒުކުރަމުންދޭތޯ ބަލަމުންދިޔުން؛
  3. ޓްރެފިކްކުރުމުގެ އަމަލުތައް ހުއްޓުވުމުގެ ގޮތުން ގައުމީ ފެންވަރުގައި ހިންގަންޖެހޭ ޕްރޮގްރާމްތަކަކީ ކޮބައިކަން ކަނޑައެޅުމާއި، އެ ޕްރޮގްރާމްތަކުން ހާސިލުކުރަން ބޭނުންވާ އަމާޒުތައް ކަނޑައެޅުމާއި، އެ ޕްރޮގްރާމްތައް ހިންގާނެ ގޮތުގެ ހަމަތައް ކަނޑައެޅުން؛
  4. މީހުން ޓްރެފިކްކުރުމުގެ އަމަލުތައް ހުއްޓުވުމުގެ މަސައްކަތްކުރާ ބޭރުގެ އިދާރާތަކާ ގުޅިގެން، ދިވެހިރާއްޖޭގައި ޕްރޮގްރާމްތައް ހިންގުމާއި، މައުލޫމާތު ހިއްސާކުރުމާއި، އެމީހުންގެ މައުލޫމާތާއި ތަޖުރިބާއިން ދިވެހިރާއްޖެއަށް ފައިދާއާއި މަންފާއާއި އެހީ ހޯދުމަށް މަސައްކަތްކުރުން؛
  5. ޓްރެފިކްކުރުމުގެ އަމަލުތައް ހުއްޓުވުމުގެ ގޮތުން ދިވެހިރާއްޖޭގައި ހިންގާ އެކިއެކި ޕްރޮގްރާމްތައް ހިނގާ ގޮތް ބަލައި، ކަމާބެހޭ އެންމެހައި އިދާރާތަކުގެ މަސައްކަތްތައް ވިލަރެސްކުރުން؛
  6. ޓްރެފިކްކުރުމުގެ އަމަލުތައް ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތުގައި އަމިއްލަ ފަރާތްތަކުގެ އެއްބާރުލުން ހޯދުމާއި، އަމިއްލަ ފަރާތްތަކުން ކުރާ މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަމާއި ލަފާ ދީ، އެފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން؛
  7. ޓްރެފިކްކުރުން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތުގައި މުޖުތަމައުގައި ހިމެނޭ ހުރިހާ ފަރާތްތަކެއްގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ކަމާބެހޭ ހުރިހާ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުން.

(ށ) ކޮމިޓީގެ މަގްސަދުތައް ކަމަށް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމުގެ ބާރު ކޮމިޓީއަށް ލިބިގެންވެއެވެ.

 

63 ވަނަ މާއްދާ - ބައްދަލުވުންތަކުގެ ގާނޫނީ އަދަދު

(ހ) ކޮމިޓީގެ ބައްދަލުވުމެއްގެ ގާނޫނީ އަދަދަކީ ކޮމިޓީގެ ޖުމްލަ މެންބަރުންގެ %51 (ފަންސާސް އެކެއް އިންސައްތަ) އެވެ.

(ށ) ކޮމިޓީން ނިންމާ ނިންމުމެއް ފާސްވެއްޖެ ކަމަށް ބެލޭނީ، ކޮމިޓީގެ މެންބަރުންގެ އަގްލަބިއްޔަތުން އެކަމެއް ފާސްވެއްޖެނަމައެވެ.

 

64 ވަނަ މާއްދާ - ޓްރެފިކްކުރުން ހުއްޓުވުމާގުޅޭ ގައުމީ އެކްށަން ޕްލޭން

(ހ) ޓްރެފިކްކުރުން ހުއްޓުވުމާގުޅޭ ގައުމީ އެކްށަން ޕްލޭނެއް، އަހަރަކު އެއްފަހަރު ކޮމިޓީން އެކުލަވާލަންވާނެއެވެ.

(ށ) މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި، މި މާއްދާގެ (ހ) ގެ ދަށުން އެކުލަވާލަންޖެހޭ ފުރަތަމަ އެކްށަން ޕްލޭން ކޮމިޓީން އެކުލަވާލައި، އާންމުކުރަންވާނެއެވެ.

 

65 ވަނަ މާއްދާ - އަހަރީ ރިޕޯޓް

ކޮމިޓީން ކުރާ މަސައްކަތްތަކުގެ މައްޗަށް ބިނާކޮށް، ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށް، ކޮންމެ އަހަރެއްގެ ޖުލައި މަސް ނިމުމުގެ ކުރިން ކޮމިޓީން ރިޕޯޓެއް ހުށަހަޅަންވާނެއެވެ. އަދި އެ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްފަހު، ކޮމިޓީން އެ ރިޕޯޓް އާންމުކޮށް ށާއިއުކުރަންވާނެއެވެ.

 

ފަސްވަނަ ބައި

އެހެނިހެން

66 ވަނަ މާއްދާ - އިދާރާތަކުގެ މެދުގައި އެއްބާރުލުން ގާއިމުކުރުން

(ހ)    އަންނަނިވި މަގްސަދުތައް ހާސިލުކުރުމަށްޓަކައި، މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށްކުރާ މީހުން ދެނެގަނެ ކުށްކުރުން ހުއްޓުވުމާ ގުޅޭގޮތުންނާއި، ޓްރެފިކްކުރެވޭ މީހުންނަށް ރައްކާތެރިކަން ލިބިދިނުމާ ގުޅޭގޮތުން ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި، އެނޫންވެސް ކަމާގުޅޭ އިދާރާތަކުން އެއް ފަރާތުން އަނެއް ފަރާތަށް އެއްބާރުލުން ދީ، މައުލޫމާތު ހިއްސާކުރަންވާނެއެވެ.

  1. ޓްރެފިކްކުރާ މީހުންނާއި ޓްރެފިކްކުރެވޭ މީހުން ދެނެގަތުމަށްޓަކައި؛
  2. މީހުން ޓްރެފިކްކުރުމަށްޓަކައި ބޭނުންކޮށްއުޅެނީ ކޮން ބާވަތެއްގެ ޓްރެވަލް ޑޮކިއުމަންޓްތަކެއްކަން ދެނެގަތުމަށްޓަކައި؛
  3. މީހުން ޓްރެފިކްކުރުމަށްޓަކައި ބޭނުންކުރާ ވަސީލަތްތަކަކީ އަދި އެކަން ކޮށްއުޅޭ ގޮތަކީ ކޮބައިކަން ދެނެގަތުމަށްޓަކައި؛
  4. މީހުން ޓްރެފިކްކުރުން ހުއްޓުވުމަށްޓަކައި ބައިނަލްއަގްވާމީ ފެންވަރުގައި އަމަލުކުރެވޭ އުސޫލުތައް ދެނެގަތުމަށްޓަކައި؛
  5. ޓްރެފިކްކުރެވޭ މީހުންނާއި، ހެކިބަސްދޭ މީހުން ހިމާޔަތްކޮށްދިނުމަށާއި އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި.

(ށ) މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ގުޅޭގޮތުން ސިޔާސަތުތައް ކަނޑައެޅުމުގައާއި ސިޔާސަތުތައް ތަންފީޒުކުރުމާ ގުޅޭގޮތުންނާއި، މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގޮތުން އެޅޭ ފިޔަވަޅުތަކާއި ހިންގޭ ޕްރޮގްރާމްތައް ހިންގުމުގައި ސަރުކާރުގެ އިދާރާތަކުން މަސައްކަތްކުރަންވާނީ، އަމިއްލަ ޖަމާއަތްތަކާއި ބައިނަލްއަގްވާމީ ޖަމްއިއްޔާތަކާ ގުޅިގެންނެވެ.

 

އެގާރަވަނަ ބާބު

އާންމު މާއްދާތައް

67 ވަނަ މާއްދާ - ގާނޫނު ހިނގާނެ ދާއިރާ

(ހ) މި ގާނޫނުގައި ކުށެއް ކަމުގައި ކަނޑައަޅާފައިވާ އެއްވެސް އަމަލެއް ހިނގާފައިވަނީ އަންނަނިވި ހާލަތުތަކުގެ ތެރެއިން ހާލަތެއްގައި ކަމުގައިވާނަމަ، މި ގާނޫނު އެ އަމަލެއްގެ މައްޗަށް ހިނގާނެއެވެ.

  1. ކުށުގެ އަމަލު ހިނގާފައިވަނީ ދިވެހިރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ކަމަށްވުން؛
  2. ކުށުގެ އަމަލު ހިނގާފައިވަނީ ނުވަތަ ކުށް ކުރުމަށް ބޭނުންކޮށްފައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދެއްގައި ކަމަށްވުން؛
  3. ކުށް ކުރިކަމަށް ތުހުމަތުކުރެވޭ ފަރާތަކީ ދިވެހިރައްޔިތެއް ކަމުގައިވުން.

(ށ)  މި ގާނޫނުގައި ކުށެއް ކަމުގައި ކަނޑައަޅާފައިވާ އެއްވެސް ކުށެއް ކުރީ ދިވެހިރާއްޖެއިން ބޭރުގައި ކަމުގައިވީނަމަވެސް، އެ ކުށް ކުރީ އަންނަނިވި ހާލަތުތަކުގެ ތެރެއިން ހާލަތެއްގައި ކަމުގައިވާނަމަ، މި ގާނޫނު އެ އަމަލުގެ މައްޗަށް ހިނގާނެއެވެ.

  1. ކުށް ކުރިކަމަށް ތުހުމަތުކުރެވޭ ފަރާތަކީ ދިވެހިރައްޔިތެއް ކަމުގައިވުން؛
  2. ކުށުގެ ސަބަބުން ގެއްލުން ލިބުނު ފަރާތަކީ، ދިވެހިރައްޔިތެއް ކަމުގައިވުން.

 

68 ވަނަ މާއްދާ - ދިވެހިރާއްޖޭގެ ސަރަހައްދުން ބޭރުގައި ހިންގާ އަމަލު

(ހ) ޓްރެފިކްކުރުމުގެ ކުށެއް ކަމަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ އަމަލެއް އެހެން ގައުމެއްގައި ކުރިކަމަށް ތުހުމަތުކުރެވޭ މީހަކު ދިވެހިރާއްޖޭގެ ސަރަހައްދުގައި ހުރިކަމަށް ގަބޫލުކުރެވޭނަމަ، އަދި، ދިވެހިރާއްޖޭގެ ކަމާބެހޭ ފަރާތްތަކަށް ލިބިގެންވާ އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް އެމީހަކު ހައްޔަރުކޮށް ބަންދުގައި ބަހައްޓަންޖެހޭކަމަށް ނުވަތަ އެމީހަކަށް ދިވެހިރާއްޖެއިން ފުރައިގެން ނުދެވޭނެ ފަދައިން އޭނާ ހިފަހައްޓަންޖެހޭ ކަމަށް، ނުވަތަ އޭނާއާމެދު އަޅަންޖެހޭކަމަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް އެޅެންދެން އޭނާ ރާއްޖޭގައި ބެހެއްޓުން ކަށަވަރުކުރަންޖެހޭކަމަށް މިނިސްޓަރަށް ފެނިއްޖެ ހިނދެއްގައި، އެފަދައިން އޭނާއާމެދު ފިޔަވަޅު އެޅުމަށް ފުލުހުންނަށް މިނިސްޓަރު އަމުރުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އަޅާ ފިޔަވަޅުތައް އަޅާނީ، އޭނާ އޭނާގެ ގައުމަށް އަނބުރާ ފޮނުވާލުމަށް ބޭނުންވާ މިންވަރަށް ނުވަތަ މި ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައި އޭނާއާމެދު ދައުވާ އުފުލުމަށް ބޭނުންވާ މިންވަރަށެވެ.

 

69 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން

(ހ)  މި ގާނޫނުގައި ކަނޑައެޅިގެން އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނު ހިންގުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ، މިނިސްޓްރީންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސް ދުވަހުގެ ތެރޭގައި މިނިސްޓްރީން ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

70 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

71 ވަނަ މާއްދާ – މާނަކުރުން


މި ގާނޫނުގައި އެ އިބާރާތެއް ބޭނުންކޮށްފައި އޮތް ގޮތުން ކަނޑައެޅިގެން އެހެންގޮތަކަށް ދޭހަނުވާހާ ހިނދަކު:

"ބޭރު ގައުމެއްގެ ރައްޔިތެއް" ކަމަށް ބުނެފައިއެވަނީ، ދިވެހިރައްޔިތެއް ކަމުގައި ނުވާ ކޮންމެ މީހަކަށެވެ.

"މިނިސްޓްރީ" ކަމަށް ބުނެފައިއެވަނީ، މީހުން ޓްރެފިކްކުރުން ހުއްޓުވުމާގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ ޒިންމާ އެއިރަކު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

"ކޮންޓްރޯލަރ" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 2007-01  (ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނު) ގައި ބަޔާންކުރާ ކޮންޓްރޯލަރ އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަނަށެވެ.

"އިމިގްރޭށަންގެ ގާނޫނު" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 2007-01 (ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނު) އާއި، އެ ގާނޫނަށް ގެނެވޭ އިސްލާހުތައް ހިމެނޭ ގޮތުންނެވެ.

"ކުޑަކުއްޖެއް" ކަމަށް ބުނެފައިއެވަނީ، މީލާދީ ގޮތުން އުމުރުން 18 (އަށާރަ) އަހަރު ނުފުރޭ ކުޑަކުއްޖަކަށެވެ.

"ކާކުކަން އަންގައިދޭ މައުލޫމާތު ހިމެނޭ ލިޔުން" ކަމަށް ބުނެފައިއެވަނީ، ވަކި މީހަކީ ކާކުކަން އަންގައިދިނުމުގެ ގޮތުން، އެމީހަކު ނިސްބަތްވާ ގައުމެއްގެ ރަސްމީ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަކަށެވެ.

"ކޮމިޓީ" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ 60 ވަނަ މާއްދާގެ ދަށުން އުފައްދާ، ޓްރެފިކްކުރުމާގުޅޭ ކަންކަން ވިލަރެސްކުރާ ކޮމިޓީއަށެވެ.

"ކުށްކުރާ ޖަމާއަތެއް" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގައި އެ އިބާރާތަށް ދީފައިވާ މާނައިގައެވެ.

"އެތެރެވުން" ކަމަށް ބުނެފައިއެވަނީ، ގާނޫނާ ހިލާފަށް ނުވަތަ ގާނޫނާ އެއްގޮތަށް ނަމަވެސް މީހަކު ދިވެހިރާއްޖޭގެ ސަރަހައްދުން އެތެރެވުމަށެވެ.

"އުޅަނދު" ކަމަށް ބުނެފައިއެވަނީ، ކަނޑުގައި ދުއްވާ އުޅަނދާއި ވައިގެ މަގުން ދަތުރުކުރާ އުޅަނދު ހިމެނޭ ގޮތުންނެވެ.

"ދައުލަތުގެ މުވައްޒަފެއް" ކަމަށް ބުނެފައިއެވަނީ، ދައުލަތުގެ އެއްވެސް އިދާރާއެއްގެ މުވައްޒަފަކަށެވެ.

"މިނިސްޓްރީ އޮފް ހެލްތު" ކަމަށް ބުނެފައިއެވަނީ، ސިއްހީ ދާއިރާގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

"ހިއުމަން ރިސޯސަސް މިނިސްޓްރީ" ކަމަށް ބުނެފައިއެވަނީ، ވަޒީފާއަދާކުރާ ފަރާތްތަކާގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ ޒިންމާ އެއިރަކު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

"މެޑިކަލް ޓެސްޓެއް" ކަމަށް ބުނެފައިއެވަނީ، ސިއްހީ ބޭނުމަށްޓަކައި ހަދަންޖެހޭ ލެބޯޓަރީ ޓެސްޓުތަކާއި، އެނޫންވެސް ތަހްލީލުތަކާއި، އެކްސް-ރޭ ނެގުމާއި ސްކޭންކުރުމާއި، އޮޕަރޭށަންކުރުން ފަދަ ޕްރޮސީޖަރުތައް ހެދުން ހިމެނޭގޮތުންނެވެ.

"ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ މުވައްޒަފެއް" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގައި ބަޔާންކުރާ ކުށެއް ތަހްގީގުކުރުމުގެ ބާރު މި ގާނޫނުން ނުވަތަ އެހެން ގާނޫނަކުން ލިބިދީފައިވާ އިދާރާއެއްގެ މުވައްޒަފަކަށެވެ.

"ޓްރެވަލް ޑޮކިއުމަންޓް" ކަމަށް ބުނެފައިއެވަނީ، ބައިނަލްއަގްވާމީ ވައިގެދަތުރުފަތުރު ކުރުމަށް ނުވަތަ ކަނޑުދަތުރުފަތުރު ކުރުމަށް ކަމާބެހޭ ގައުމެއްގެ ރަސްމީ އިދާރާއަކުން ދޫކޮށްފައިވާ ޕާސްޕޯޓް ނުވަތަ ވަގުތީ ޓްރެވަލް ޑޮކިއުމަންޓް ނުވަތަ ދަތުރުފަތުރުކުރުމުގައި  ބައިނަލްއަގްވާމީ ގޮތުން ގަބޫލުކުރާ އެނޫންވެސް ލިޔުމަށެވެ.

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގާނޫނު

މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2013-12)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު