އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނު
(ގާނޫނު ނަންބަރު 2010-11)
އެއްވަނަ ބައި
ފެށުން
އެއްވަނަ ބާބު
ތައާރުފާއި މަގްސަދު
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، މުޖްތަމައުގައި ހިމެނޭ ބައެއް ފަރުދުންގެ އަމަލުތަކުގެ ސަބަބުން އުފެދޭ ބިރުވެރިކަމާއި، ހާސްކަމާއި، ނުތަނަވަސްކަމުން މުޖްތަމައުގެ އެހެން ފަރުދުންނާއި މުޅި މުޖްތަމައު ސަލާމަތްކޮށްދިނުމުގެ ގޮތުން، ވަކި ބާވަތްތަކެއްގެ އަމަލުތަކަކީ އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތަކެއް ކަމުގައި ކަނޑައަޅައި، އެފަދަ އަމަލުތައް ކުރާ މީހުން އެފަދަ އަމަލުތައް ކުރުން ހުއްޓުވުމުގެ ގޮތުން އެޅޭނެ ފިޔަވަޅުތައް ކަނޑައަޅައި ބަޔާންކުރުމުގެ ގާނޫނެވެ.
(ށ) މި ގާނޫނަށް ކިޔާނީ، "އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނު" އެވެ.
2 ވަނަ މާއްދާ – މަގްސަދު
މި ގާނޫނުގެ ބޭނުމަކީ، އަންނަނިވި މަގްސަދުތައް ހާސިލްކުރުމެވެ.
(ހ) އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުން.
(ށ) އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހިންގާ ފަރާތްތަކާމެދު އެޅޭނެ ފިޔަވަޅުތައް ކަނޑައެޅުން.
(ނ) އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގައި މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަ ބާރުތަކެއް ދިނުން.
(ރ) އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ކުރާ ކުޑަކުދިންގެ ބެލެނިވެރިން ޒިންމާދާރުކުރުވުން.
3 ވަނަ މާއްދާ - ނިޒާމު ރޭވިފައިވާ ގޮތް
(ހ) މި ގާނޫނުގެ ދަށުން އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ކަމުގައި ކަނޑައަޅާފައިވާ އަމަލުތައް ބެހިގެންވަނީ އަންނަނިވި ބައިތަކަށެވެ.
- މަގުމަތީގައި އަދި އާންމު ތަންތާނގައި ހިންގާ އަމަލު.
- ތިމާވެށްޓާގުޅޭ އަމަލު.
- ގޯތިގޯއްޗާއި ކުއްޔަށްދޭ ތަންތަނާގުޅޭ އަމަލު.
(ށ) އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ކުރާ މީހުންނާމެދު މި ގާނޫނުގެ ދަށުން އެޅޭނެ ފިޔަވަޅުތައް ކަމުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
- އިންޒާރުގެ ސިޓީ.
- އިޖްތިމާއީ އެއްބަސްވުން.
- އިޖްތިމާއީ އަމުރު.
- ބެލެނިވެރިކަމުގެ އެއްބަސްވުން.
- ބެލެނިވެރިކަމުގެ އަމުރު.
- ޖޫރިމަނާގެ ނޯޓިސް.
- ވަގުތީ އަމުރު.
- ބައެއް ބާވަތުގެ އަމަލުތަކަކީ ކުށްކަމުގައި ކަނޑައެޅުން.
4 ވަނަ މާއްދާ - ކަމާބެހޭ އިދާރާތައް
މި ގާނޫނުގެ ދަށުން އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުކުރާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމުގެ ބާރު މި ގާނޫނުން އަންނަނިވި ފަރާތްތަކަށް ދެއެވެ.
(ހ) ފުލުހުން.
(ށ) ލޯކަލް ކައުންސިލްތައް.
ދެވަނަ ބައި
އަމަލުތަކުގެ ބާވަތްތަކާއި ގިންތިތައް
ދެވަނަ ބާބު
އާންމު އުނދަގޫކުރުން
5 ވަނަ މާއްދާ - އަވަށްޓެރިންނަށް އުނދަގޫކުރުމާއި ބިރުދެއްކުން
މީހަކު ނުވަތަ ގިނަ މީހުންތަކެއް އެކުވެގެން ނަމަވެސް، އެމީހެއް ނުވަތަ އެބަޔެއްގެ އަވަށްޓެރިއަކާމެދު ތިރީގައި ބަޔާންކުރާ އެއްވެސް އަމަލެއް ހިންގައިފިނަމަ، އެމީހާ ނުވަތަ އެބަޔަކާމެދު މި ގާނޫނުގެ ދަށުން ފިޔަވަޅުއެޅޭނެއެވެ.
(ހ) ފޮށުން.
(ށ) ބިރުދެއްކުން.
(ނ) ގަޔަށް އަތްލުން.
(ރ) އަވަށްޓެރިޔާގެ ގެއަށް އެއްޗެހި އުކުން.
(ބ) ހުއްދަނުހޯދައި ގޯތިގެދޮރަށް ވަނުން.
(ޅ) ޖިންސީ ގުނަވަނެއް ހާމަކުރުން.
(ކ) ޖިންސީ ގުނަވަނެއް ނުވަތަ ޖިންސީ ހަރަކާތެއް ސިފަކޮށްދޭ މަންޒަރު ނުވަތަ ލިޔުން އެކުލެވޭ ހެދުން ބޭނުންކުރުން.
(އ) އިސްލާމްދީން ފިޔަވައި އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ގެންގުޅުމާއި ބޭނުންކުރުން.
(ވ) މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭނެ ނުވަތަ މީހަކަށް ގެއްލުމެއް ލިބިދާނެ އެނޫންވެސް އަމަލެއް ހިންގުން.
6 ވަނަ މާއްދާ - މަގުހިނގާ މީހުންނަށް އުނދަގޫކުރުމާއި ބިރުދެއްކުން
މީހަކު ނުވަތަ ގިނަ މީހުންތަކެއް އެކުވެގެން ނަމަވެސް، މަގުމަތީގައި ހިނގައިބިނގައިވާ މީހުންނާގުޅޭ ގޮތުން ނުވަތަ އާންމު ތަނެއްގައި ތިބޭ ބަޔަކާގުޅޭ ގޮތުން ތިރީގައި ބަޔާންކުރާ އެއްވެސް އަމަލެއް ހިންގައިފިނަމަ، އެ އަމަލު ހިންގި މީހާ ނުވަތަ މީހުންނާމެދު މި ގާނޫނުގެ ދަށުން ފިޔަވަޅުއެޅޭނެއެވެ.
(ހ) ފޮށުން.
(ށ) ބިރުދެއްކުން.
(ނ) ގަޔަށް އަތްލުން.
(ރ) އާންމު ތަންތަނުގައި ގަޒާހާޖާކުރުން.
(ބ) ޖިންސީ ގުނަވަނެއް ހާމަކުރުން.
(ޅ) ޖިންސީ ގުނަވަނެއް ނުވަތަ ޖިންސީ ހަރަކާތެއް ސިފަކޮށްދޭ މަންޒަރު ނުވަތަ ލިޔުން އެކުލެވޭ ހެދުން ބޭނުންކުރުން.
(ކ) އިސްލާމްދީން ފިޔަވައި އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ގެންގުޅުމާއި ބޭނުންކުރުން.
(އ) މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭނެ ނުވަތަ މީހަކަށް ގެއްލުމެއް ލިބިދާނެ އެނޫންވެސް އަމަލެއް ހިންގުން.
7 ވަނަ މާއްދާ - މުދަލަށް ގެއްލުން ދިނުން
މީހަކު ނުވަތަ ގިނަ މީހުންތަކެއް އެކުވެގެން ނަމަވެސް، މީހެއްގެ މުދަލަކަށް ގެއްލުމެއް ދީފިނަމަ، އެ އަމަލު ހިންގި މީހާ ނުވަތަ މީހުންނާމެދު މި ގާނޫނުގެ ދަށުން ފިޔަވަޅުއެޅޭނެއެވެ.
8 ވަނަ މާއްދާ - ޒިންމާދާރު މީހަކާ ނުލައި ކުޑަކުދިން ބޭރުގައި އުޅުން
އުމުރުން 16 އަހަރުން ދަށުގެ ކުއްޖަކު، ޒިންމާދާރު މީހަކާއެކު ނޫންގޮތެއްގައި، ރޭގަނޑު 12 ގެ ފަހުން، މަގުބޫލު އުޒުރަކާނުލައި މަގުމަތީގައި އުޅޭކަމަށްވާނަމަ، އެ ކުއްޖަކާމެދު މި ގާނޫނުގެ ދަށުން ފިޔަވަޅުއެޅޭނެއެވެ.
ތިންވަނަ ބާބު
ތިމާވެށްޓާގުޅޭ
9 ވަނަ މާއްދާ - ތަންތާނގައި ލިޔުމާއި ކުރެހުން
(ހ) މީހަކު ނުވަތަ ބަޔަކު، ތިރީގައި ބަޔާންކޮށްފައިވާ ތަންތަނާއި އެއްޗެހީގެ ތެރެއިން ތަނެއް ނުވަތަ އެއްޗެއްގައި، ކުލަ ނުވަތަ ދަވާދު ނުވަތަ އެއިރޮސޯލް ޕެއިންޓް ނުވަތަ އެނޫންވެސް އެއްޗެއް ބޭނުންކޮށްގެން ލިޔެފިނަމަ، ނުވަތަ ކުރަހައިފިނަމަ، އެކަން ކުރި މީހާ ނުވަތަ މީހުންނާމެދު މި ގާނޫނުގެ ދަށުން ފިޔަވަޅުއެޅޭނެއެވެ.
- ގެއެއް ނުވަތަ އިމާރާތެއްގެ މަގުމަތީފާރުގައި ނުވަތަ މަގުމައްޗަށް ފެންނަން ހުންނަ އެހެން ތަނެއްގައި.
- މަގުމަތި ނުވަތަ ދުވާރުގައި.
- މަގުމަތީގައި ހުންނަ އެއްޗެހީގައި.
- އާންމުން ވަދެނިކުމެވާ ތަނެއްގެ ފާރުގައި ނުވަތަ މީހުންނަށް ފެންނާނެގޮތަށް އެފަދަ ތަނެއްގައި ހުންނަ އެހެން އެއްޗެއްގައި.
- މަގުމަތީގައި ޕާކުކޮށްފައި ހުންނަ އުޅަނދުގައި ނުވަތަ އެހެލާފައި ހުންނަ އޮޑިދޯނި ފަހަރުގައި.
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ވަކި މުނާސަބަތަކާ ގުޅިގެން ނުވަތަ ހަވީރެއް ނުވަތަ ފެސްޓިވަލެއް ބޭއްވުމަށްޓަކައި، ގެއެއް ނުވަތަ އިމާރާތެއް ނުވަތަ ތަނެއްގެ ވެރިފަރާތުގެ ހުއްދަ ހޯދައިގެން ފޮޓޯއެއް ނުވަތަ މަންޒަރެއް ނުވަތަ ކުރެހުމެއް ބެހެއްޓުން ނުވަތަ އެނޫންވެސް ފަރުމާއެއް ކުރުމާއި، ހިތާނުކޮށްގެންއުޅޭ ގެއެއްގެ މަގުމަތީފާރުގައި ނުވަތަ މަގުމައްޗަށް ފެންނަން ހުންނަ އެހެން ތަނެއްގައި ލިޔުން ނުވަތަ ކުރެހުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ. ނަމަވެސް، އެއީ އެފަދަ މަންޒަރެއް ނުވަތަ ފޮޓޯއެއް ނުވަތަ ފަރުމާއެއް ނުވަތަ ކުރެހުމެއް ނުވަތަ ލިޔުމަކީ، އާންމު އިޖްތިމާއީ މިންގަނޑާ ހިލާފު އެއްޗަކަށް ނުވާނަމައެވެ.
10 ވަނަ މާއްދާ - ޕޯސްޓަރު ނުވަތަ ބެނާރ ހަރުކުރުން
(ހ) ތިރީގައި ބަޔާންކޮށްފައިވާ ތަންތަނާއި އެއްޗެހީގެ ތެރެއިން ތަނެއް ނުވަތަ އެއްޗެއްގައި، ޕޯސްޓަރެއް ނުވަތަ ބެނާރއެއް ހިއްޕުމަށްފަހު ނުވަތަ ހަރުކުރުމަށްފަހު އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ނުނަގައިފިނަމަ، ޕޯސްޓަރު ނުވަތަ ބެނާރ ނިސްބަތްވާ މީހާ ނުވަތަ ފަރާތާމެދު މި ގާނޫނުގެ ދަށުން ފިޔަވަޅުއެޅޭނެއެވެ.
- ގެއެއް ނުވަތަ އިމާރާތެއްގެ މަގުމަތީފާރުގައި ނުވަތަ މަގުމައްޗަށް ފެންނަން ހުންނަ އެހެން ތަނެއްގައި.
- މަގުމަތީގައި ހުންނަ އެއްޗެހީގައި.
- އާންމުން ވަދެނިކުމެވާ ތަނެއްގައި.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޕޯސްޓަރެއް ނުވަތަ ބެނާރއެއް ހަރުކުރީ ވިޔަފާރިއަކުންނަމަ، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ޕޯސްޓަރު ނުވަތަ ބެނާރ ނެގުން ކަމަށް ބެލެވޭނީ؛
- ޕްރޮމޯށަނަކާ ގުޅިގެން ހިއްޕާ ޕޯސްޓަރެއް ނުވަތަ ބެނާރއެއްނަމަ އެ ޕްރޮމޯށަނެއް ނިމުމުން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ޕޯސްޓަރު ނުވަތަ ބެނާރ ނެގުން.
- އެނޫން ކަމަކާ ގުޅޭގޮތުންނަމަ، އެ ޕޯސްޓަރެއް ނުވަތަ ބެނާރއެއް ހަރުކުރުމަށްފަހު، ޕޯސްޓަރު ނުވަތަ ބެނާރ ހަލާކުވާން ފެށުމުން، އެފަދަ ޕޯސްޓަރުތައް ނުވަތަ ބެނާރތައް ނެގުމަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ޕޯސްޓަރު ނުވަތަ ބެނާރ ނެގުން.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޕޯސްޓަރެއް ނުވަތަ ބެނާރއެއް ހަރުކުރީ ސަރުކާރުގެ އިދާރާއަކުން ނުވަތަ މަދަނީ ޖަމާއަތަކުން ކަމުގައިވާނަމަ، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ޕޯސްޓަރު ނުވަތަ ބެނާރ ނެގުން ކަމަށް ބެލެވޭނީ؛
- މައުރަޒެއް ނުވަތަ މުބާރާތެއް ނުވަތަ ހަވީރަކާ ގުޅިގެން ހިއްޕާ ޕޯސްޓަރެއް ނުވަތަ ބެނާރއެއްނަމަ އެކަމެއް ނިމުމުން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ޕޯސްޓަރު ނުވަތަ ބެނާރ ނެގުން.
- އެނޫން ކަމަކާ ގުޅޭގޮތުންނަމަ، އެ ޕޯސްޓަރެއް ނުވަތަ ބެނާރ ހިއްޕުމަށްފަހު، ޕޯސްޓަރު ނުވަތަ ބެނާރ ހަލާކުވާން ފެށުމުން، އެފަދަ ޕޯސްޓަރު ނުވަތަ ބެނާރތައް ނެގުމަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ޕޯސްޓަރު ނުވަތަ ބެނާރ ނެގުން.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޕޯސްޓަރު ނުވަތަ ބެނާރ ހަރުކުރީ އެއްވެސް އިންތިހާބެއްގެ ކެމްޕޭނަކާ ގުޅިގެން އެ އިންތިހާބެއްގައި ވާދަކުރާ ކެންޑިޑޭޓަކު ކަމުގައިވާނަމަ، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ޕޯސްޓަރު ނުވަތަ ބެނާރ ނެގުން ކަމަށް ބެލެވޭނީ، އެ ކެމްޕޭނެއް ނިމުމުން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ނުވަތަ އެހެން ގާނޫނެއްގައި ކަނޑައަޅާފައިވާ މުއްދަތެއްގެ ތެރޭގައި ޕޯސްޓަރު ނުވަތަ ބެނާރ ނެގުމަށެވެ.
(ބ) މި މާއްދާގެ ބޭނުމަށްޓަކައި، ޕޯސްޓަރެއް ނުވަތަ ބެނާރއެއް ނިސްބަތްވާ ފަރާތް ކަމަށް ބުނެފައި އެވަނީ، މި މާއްދާގެ (ށ) އާގުޅޭ ގޮތުންނަމަ އެ ވިޔަފާރިއަކަށެވެ. މި މާއްދާގެ (ނ) އާގުޅޭ ގޮތުންނަމަ ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ މަދަނީ ޖަމާއަތްތަކަށެވެ. މި މާއްދާގެ (ރ) އާގުޅޭ ގޮތުންނަމަ އެ އިންތިހާބެއްގައި ވާދަކުރާ ކެންޑިޑޭޓަކަށެވެ.
11 ވަނަ މާއްދާ - އާންމު އުނދަގުލަށް ވާގޮތަށް އަޑުގަދަކުރުން
(ހ) ގޯތިގެދޮރާއި އިމާރާތްތަކުގައި، އަވަށްޓެރިންނަށް އުނދަގޫވާގޮތަށް، ބާރަށް ލަވަޖަހައި ނުވަތަ ޓީ.ވީގެ އަޑު ބާރުކޮށްގެން ޓީ.ވީ ބަލައި ނުވަތަ އެނޫންވެސް ގޮތަކަށް އަޑުގަދަކޮށް ހަދައިފިނަމަ، އެކަން ކުރި މީހާއާމެދު މި ގާނޫނުގެ ދަށުން ފިޔަވަޅުއެޅޭނެއެވެ.
(ށ) ރެސްޓޯރަންޓެއް ނުވަތަ ކެފޭއެއް ނުވަތަ ކޮފީ ށޮޕެއް ނުވަތަ ސައިހޮޓަލެއް ނުވަތަ ކުޅިވަރުކުޅޭ ތަނެއް ނުވަތަ އެނޫންވެސް، ޒުވާނުންނާއި ބޮޑެތި މީހުން މުނިފޫހިފިލުވުމަށް ގޮސްއުޅޭ ތަނެއްގައި، ކައިރި ހިސާބުތަކުގެ މީހުންނަށް އުނދަގޫވާ ގޮތަށް ބާރަށް ލަވަޖަހައި ނުވަތަ ޓީ.ވީ ބަލައި ނުވަތަ އެނޫންވެސް ގޮތަކަށް އަޑުގަދަކޮށް ހަދައިފިނަމަ، އެކަން ކުރި މީހާއާމެދު މި ގާނޫނުގެ ދަށުން ފިޔަވަޅުއެޅޭނެއެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) އެހެން އޮތް ނަމަވެސް، ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ހުއްދަ ހޯދައިގެން އެކިއެކި މުނާސަބަތުތަކާ ގުޅިގެން ޖަލްސާތަކާއި ހަފްލާތަކާއި އެނޫންވެސް ހަރަކާތްތައް ބޭއްވުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.
12 ވަނަ މާއްދާ - ކުނިއުކަން ކަނޑައަޅާފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނަށް ކުނިއުކުން
(ހ) ކުނިއުކަން ކަނޑައަޅާފައިވާ ތަނެއް ފިޔަވައި އެނޫން ތަނަކަށް ކުނިއުކައިފިނަމަ، އަދި އެއްތަނުން އަނެއްތަނަށް ކުނި އުފުލާއިރު ކުނިބުންޏާއި ކުނިވެފައިވާ ތަކެތިން އާންމުންނަށް އުނދަގޫ ނުފޯރާގޮތަށް ނިވައިކޮށްގެން ނޫންގޮތަކަށް މީހެއްގެ އަތުންވިޔަސް ނުވަތަ ދުއްވާ އެއްޗެއްގައިވިޔަސް އެބާވަތުގެ އެއްވެސް އެއްޗެއް އުފުލައިފިނަމަ އެކަން ކުރި މީހާއާމެދު މި ގާނޫނުގެ ދަށުން ފިޔަވަޅުއެޅޭނެއެވެ.
(ށ) ކުނިއުކަން ކަނޑައަޅާފައިވާ ތަނަކަށް ކުނިއުކުމުގެ ބަދަލުގައި، ކުނިއުކައިނުލައި، ގޭގައި ބަހައްޓައިގެން ގިނަކުރުމަކީ، މި މާއްދާގެ (ހ) ގެ ދަށުން ކުނިއުކުން ކަމުގައި ބެލެވޭނެއެވެ. ނަމަވެސް، ގަސްކާނާ ހެދުމުގެ ބޭނުމަށްޓަކައި، އެގެއެއްގައި އުޅޭ މީހުންގެ ނުވަތަ އަވަށްޓެރިންގެ ސިއްހަތަށް ގެއްލުން ނުވާނެ ގޮތެއްގެ މަތިން ކުނި ބެހެއްޓުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
13 ވަނަ މާއްދާ - މަގުމަތި ހަޑިކުރުން
(ހ) މީހަކު، މަގުމަތި ހަޑިވާގޮތަށް ތިރީގައިމިވާ ފަދަ އަމަލެއް ކޮށްފިނަމަ، އެމީހަކާމެދު މި ގާނޫނުގެ ދަށުން ފިޔަވަޅުއެޅޭނެއެވެ.
- މަގުމައްޗަށް ނުވަތަ މަގުމަތީގައި ބަހައްޓާފައި ހުންނަ އެއްޗެއްސަށް ކުނިބުނި އުކުން.
- މަގުމައްޗަށް ނުވަތަ މަގުމަތީގައި ބަހައްޓާފައި ހުންނަ އެއްޗެއްސަށް ނުވަތަ އިމާރާތެއްގެ ފާރަށް ކުޅުޖެހުން.
- މި މާއްދާގެ (ހ) ގެ 1 އަދި 2 ގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، މަގުމަތި ހަޑިވާ ޒާތުގެ އެއްވެސް ކަމެއް ކުރުން.
(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ އަމަލުކުރާ މީހުންނާމެދު ފިޔަވަޅުއެޅޭނެކަން ބަޔާންކޮށް، ސައިހޮޓާތަކާއި، ކެފޭތަކާއި، ކެންޓީނު ފަދަ ތަންތަނުގައި، އަދި އެނޫންވެސް އާންމުކޮށް މީހުންނަށް ފެންނާނެ ތަންތަނުގައި ނޯޓިސް ހަރުކުރުމަކީ، ނުވަތަ އެނޫންވެސް ޒަރީއާއަކުން އެކަން އާންމުކޮށް އެންގުމަކީ، މި ގާނޫނުގެ ދަށުން ކަމާބެހޭ ފަރާތްތަކުގެ މައްޗަށް ލާޒިމުކުރާ ކަމެކެވެ.
ހަތަރުވަނަ ބާބު
ގޯތިގޯއްޗާއި ކުއްޔަށްދޭ ތަންތަނާގުޅޭ
14 ވަނަ މާއްދާ - ކުއްޔަށް އުޅޭ މީހުން އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުކުރުން
ގެއެއްގައި ނުވަތަ އިމާރާތެއްގައި ކުއްޔަށް އުޅޭ މީހަކު، ތިރީގައި ބަޔާންކުރާ އެއްވެސް އަމަލެއް ހިންގައިފިނަމަ، އެމީހާއާމެދު މި ގާނޫނުގެ ދަށުން ފިޔަވަޅުއެޅޭނެއެވެ.
(ހ) އެމީހެއްގެ އަވަށްޓެރިއަކާމެދު މި ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކުރާ އަމަލެއް ކުރުން.
(ށ) މި ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ އަމަލެއް ކުރުން.
(ނ) ކުލީގެ އެއްބަސްވުން ނިމުމަކަށް އައުމަށްފަހުގައިވެސް ތަނުން ނިކުންނަން އިންކާރުކުރުން.
ތިންވަނަ ބައި
ފިޔަވަޅުތައް
ފަސްވަނަ ބާބު
އެއްބަސްވުންތައް
15 ވަނަ މާއްދާ - އިޖްތިމާއީ އެއްބަސްވުން
(ހ) އިޖްތިމާއީ އެއްބަސްވުމަކީ، މީހަކު އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލެއް ކުރުމުން، ކުރިއަށްއޮތް ތާނގައި އޭނާ އެފަދަ އަމަލުތައް ހިންގުން ހުއްޓުވުމަށްޓަކައި އެމީހަކާ ކަމާބެހޭ އިދާރާއަކާ ދެމެދު ވެވޭ އެއްބަސްވުމެކެވެ.
(ށ) އިޖްތިމާއީ އެއްބަސްވުމެއްގެ މަގްސަދަކަށްވާނީ، އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލު ހިންގި މީހާއަށް، އޭނާ ހިންގި އަމަލުގެ ނަތީޖާ ވިސްނައިދީ، އެކަންކަމަށް ޒިންމާ އުފުލުވުމެވެ.
16 ވަނަ މާއްދާ - އިޖްތިމާއީ އެއްބަސްވުމުގެ ހައިސިއްޔަތު
(ހ) އިޖްތިމާއީ އެއްބަސްވުމަކީ، ދެފަރާތުގެ ރުހުމުގައި ކުރެވޭ އެއްބަސްވުމެކެވެ. އެއީ، އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ކުރާ ފަރާތްތައް އޭގައި ބަޔާންކުރާ ކަންކަން ނުކުރުމުގެ ސަބަބުން އެއްވެސް ގާނޫނީ އިލްތިޒާމެއް އުފުލަންޖެހޭނެ އެއްބަސްވުމެއް ނޫނެވެ. ނަމަވެސް، އަންނަނިވި ކަންކަން ކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
- އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި، އެއްބަސްވުމުގައި ބަޔާންކުރާ ކަމެއް ނުކުރުމުގެ ނަތީޖާއަކީ، އެ އަމަލު ހިންގި މީހާއާ ދެކޮޅަށް އިޖްތިމާއީ އަމުރެއް ނެރުމަށްޓަކައި ކޯޓުގައި އެދުން ނުވަތަ ޖޫރިމަނާގެ ނޯޓިހެއް ދިނުން ނުވަތަ އެނޫންވެސް ފިޔަވަޅެއް އެޅުން ކަމަށް އެއްބަސްވުމުގައި ކަނޑައެޅުން.
- މީހަކު ކުރި އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލަކީ، ގާނޫނަކުން ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅާފައިވާ ކުށެއް ކަމަށްވާނަމަ، އެއްބަސްވުމުގައި ބަޔާންކުރާ ކަމެއް ނުކުރުމުގެ ނަތީޖާއަކީ، އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލު ހިންގި މީހާއާ ދެކޮޅަށް އެ ޖިނާއީ ކުށުގެ ދައުވާ އުފުލުން ކަމުގައި އެއްބަސްވުމުގައި ކަނޑައެޅުން.
(ށ) އިޖްތިމާއީ އެއްބަސްވުމެއް ފުރިހަމަވާނީ އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުކުރި މީހާއާއި ކަމާބެހޭ އިދާރާއިން އެ އެއްބަސްވުމުގައި ސޮއިކުރުމުންނެވެ.
17 ވަނަ މާއްދާ - އިޖްތިމާއީ އެއްބަސްވުން އެކުލެވިގެންވާ ގޮތް
(ހ) އިޖްތިމާއީ އެއްބަސްވުމެއްގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
- މީހަކު ކުރި ނުވަތަ ހިންގުމުގައި ބައިވެރިވި އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލު ނުވަތަ އަމަލުތަކުގެ ތަފްސީލު.
- އެއްބަސްވުމުގެ ދަށުން އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުކުރި މީހާ ކުރުން ލާޒިމުކުރާ ކަންކަން. އެގޮތުން، މި މާއްދާގެ (ނ) ގެ ދަށުން ޕްރޮގްރާމެއްގައި ނުވަތަ އެއް ޕްރޮގްރާމަށްވުރެ ގިނަ ޕްރޮގްރާމްގައި ބައިވެރިކުރުވާނަމަ އެ ޕްރޮގްރާމްތަކުގެ ތަފްސީލު.
- އެއްބަސްވުމުގައި ބަޔާންކުރާ ކަންކަން، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ފުރިހަމަކުރުމަށް އެ އަމަލުކުރި މީހާ އެއްބަސްވާ އެއްބަސްވުން.
- އެމީހާ ކުރިއަށް އޮތްތާނގައި އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުކުރުން ހުއްޓުވުމަށްޓަކައި އެހީތެރިވުމުގެ ގޮތުން ކަމާބެހޭ އިދާރާތަކަށް ކޮށްދެވޭނެ ކަންތައްތައް.
(ށ) މީހަކު ހިންގި އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލަކީ، އެފަދަ އަމަލުކުރުން ހުއްޓުވުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅައިގެން ނޫނީ ހައްލުނުވާނެ ކަމެއްކަމަށް ކަމާބެހޭ އިދާރާއަކަށް ފެނިއްޖެނަމަ، އޭނާ މި މާއްދާގެ (ނ) ގައި ބަޔާންކުރާ ޕްރޮގްރާމެއް ނުވަތަ ޕްރޮގްރާމްތަކެއްގައި ބައިވެރިވާންޖެހޭ ގޮތަށް އެއްބަސްވުމުގައި ކަނޑައެޅިދާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އިޖްތިމާއީ އެއްބަސްވުމެއްގެ ދަށުން އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލު ހިންގި މީހާ ބައިވެރިވާން ހުށަހަޅާ ޕްރޮގްރާމްތަކުގެ ތެރޭގައި، އަންނަނިވި ޕްރޮގްރާމްތައް ހިމެނިދާނެ އެވެ.
- އެފަދަ އަމަލުތައް ހިންގުން ހުއްޓުވުމަށް ބާރުއެޅުމުގެ ގޮތުން ނަސޭހަތްދީ، އެހީތެރިވުމަށް ހާއްސަކޮށްފައިވާ ކައުންސެލިންގ ނުވަތަ ގައިޑަންސް ޕްރޮގްރާމް.
- އާއިލާއާއެކު ބާއްވާ ކައުންސެލިންގ ޕްރޮގްރާމް.
- ރުޅިމަޑުކުރަން ދަސްކުރުމުގެ ޕްރޮގްރާމް.
(ރ) މި މާއްދާގެ (ށ) ގެ ދަށުން އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލު ހިންގި މީހާ ބައިވެރިވާން އެއްބަސްވުމުގައި ކަނޑައަޅާ ޕްރޮގްރާމަކީ، އޭނާ ކުރި އަމަލާ އެންމެ އެކަށީގެންވާ ޕްރޮގްރާމަށް ވާންޖެހޭނެއެވެ.
18 ވަނަ މާއްދާ - އިޖްތިމާއީ އެއްބަސްވުމަށް ތަބާނުވުން
އިޖްތިމާއީ އެއްބަސްވުމެއްގައި ސޮއިކުރުމަށް މީހަކު އިންކާރުކޮށްފިނަމަ، ނުވަތަ އެފަދަ އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު، އޭގައިވާ ކަމެއް ކުރުމަށް އިންކާރުކޮށްފިނަމަ، ތިރީގައިވާ ގޮތްތަކުންކުރެ ގޮތަކަށް އޭނާއާމެދު އަމަލުކުރެވިދާނެކަން އެމީހާއަށް އަންގަންވާނެއެވެ.
(ހ) އޭނާއާ ދެކޮޅަށް އިޖްތިމާއީ އަމުރަކަށް އެދި ކޯޓަށް ހުށަހެޅިދާނެކަން.
(ށ) މި ގާނޫނުގައި ބަޔާންކުރާ އެނޫންވެސް ފިޔަވަޅެއް އެޅިދާނެކަން.
19 ވަނަ މާއްދާ - އިޖްތިމާއީ އެއްބަސްވުމާއި ކުޑަކުދިން
(ހ) އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލެއް ހިންގީ އުމުރުން 10 އަހަރާއި 18 އަހަރާ ދެމެދުގެ ކުޑަކުއްޖެއް ކަމުގައިވާނަމަ، އެ ކުއްޖާއާއެކު އިޖްތިމާއީ އެއްބަސްވުމެއް ވުމުގެ އިތުރަށް، ކަމާބެހޭ އިދާރާއާއި އެ ކުއްޖާގެ ބެލެނިވެރިޔާއާ ދެމެދު މި ގާނޫނުގެ 20 ވަނަ މާއްދާގައި ބަޔާންކުރާ ބެލެނިވެރިކަމުގެ އެއްބަސްވުމެއްވެސް ވެވިދާނެއެވެ. ނުވަތަ އެ ކުއްޖާއާއެކު އިޖްތިމާއީ އެއްބަސްވުމެއް ވުމުގެ ބަދަލުގައި، އެ ކުއްޖާގެ ބެލެނިވެރިޔާއާއެކު ބެލެނިވެރިކަމުގެ އެއްބަސްވުމެއް ވެވިދާނެއެވެ.
(ށ) އިޖްތިމާއީ އެއްބަސްވުމެއް ވަނީ ކުޑަކުއްޖަކާއެކު ކަމުގައިވާނަމަ، އެއްބަސްވުމުގައި ސޮއިކުރުމަށްޓަކައި ބާއްވާ ބައްދަލުވުމުގައި ކަމާބެހޭ އިދާރާތަކުގެ އިތުރުން، ކުއްޖާގެ ބެލެނިވެރިޔާ ހާޒިރުވެ ހުންނަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އިޖްތިމާއީ އެއްބަސްވުމުގައި ސޮއިކުރުމަށްޓަކައި ބާއްވާ ބައްދަލުވުމަށް ކުއްޖާގެ ބެލެނިވެރިޔާ ހާޒިރު ނުވެއްޖެނަމަ، ސަރުކާރުގެ ކުޑަކުދިންގެ ކަންތައްތަކާބެހޭ އިދާރާގެ މުވައްޒަފެއްގެ ހާޒިރުގައި އެ އެއްބަސްވުން ވެވިދާނެއެވެ.
20 ވަނަ މާއްދާ - ބެލެނިވެރިކަމުގެ އެއްބަސްވުން
(ހ) ބެލެނިވެރިކަމުގެ އެއްބަސްވުމަކީ، ކުޑަކުއްޖަކު އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލެއް ކުރުމުން، ކުރިއަށް އޮތްތާނގައި އެ ކުއްޖާ އެފަދަ އަމަލުތައް ހިންގުން ހުއްޓުވުމުގެ ގޮތުން، އެ ކުއްޖެއްގެ ބެލެނިވެރިޔާއާއި ކަމާބެހޭ އިދާރާއާ ދެމެދު ވެވޭ އެއްބަސްވުމެކެވެ.
(ށ) ބެލެނިވެރިކަމުގެ އެއްބަސްވުމެއްގެ މަގްސަދަކަށް ވާނީ، އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލު ހިންގި ކުޑަކުއްޖާއަށް، އޭނާ ހިންގި އަމަލުގެ ނަތީޖާ ވިސްނައިދީ، އެ ކުއްޖާ އެކަންކަމަށް ޒިންމާދާރުކުރުވުމުގައި، ބެލެނިވެރިޔާގެ ދައުރު ވިސްނައިދީ، އެކަންކަމުގައި ބެލެނިވެރިޔާ ޒިންމާދާރުކުރުވުމެވެ.
21 ވަނަ މާއްދާ - ބެލެނިވެރިކަމުގެ އެއްބަސްވުމުގެ ހައިސިއްޔަތު
21.(ހ) ބެލެނިވެރިކަމުގެ އެއްބަސްވުމަކީ، ދެފަރާތުގެ ރުހުމުގައި ކުރެވޭ އެއްބަސްވުމެކެވެ. އެއީ، އޭގައި ބަޔާންކުރާ ކަންކަން ނުކުރުމުގެ ސަބަބުން އެއްވެސް ގާނޫނީ އިލްތިޒާމެއް އުފުލަންޖެހޭނެ އެއްބަސްވުމެއް ނޫނެވެ. ނަމަވެސް، ކުޑަކުއްޖާ ކުރި އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުގެ ކުޑަބޮޑުމިނަށް ބަލައި، އެއްބަސްވުމުގައި ބަޔާންކުރާ ކަމެއް ނުކުރުމުގެ ނަތީޖާއަކީ، ބެލެނިވެރިޔާއާ ދެކޮޅަށް ބެލެނިވެރިކަމުގެ އަމުރެއް ނެރުމަށްޓަކައި ކޯޓުގައި އެދުން ނުވަތަ ޖޫރިމަނާގެ ނޯޓިހެއް ދިނުން ނުވަތަ އެނޫންވެސް ފިޔަވަޅެއް އެޅުން ކަމަށް އެއްބަސްވުމުގައި ކަނޑައެޅުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
(ށ) ބެލެނިވެރިކަމުގެ އެއްބަސްވުމެއް ފުރިހަމަވާނީ އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުކުރި ކުއްޖާގެ ބެލެނިވެރިޔާ އާއި ކަމާބެހޭ އިދާރާއިން އެ އެއްބަސްވުމުގައި ސޮއިކުރުމުންނެވެ.
22 ވަނަ މާއްދާ - ބެލެނިވެރިކަމުގެ އެއްބަސްވުން އެކުލެވިގެންވާ ގޮތް
(ހ) ބެލެނިވެރިކަމުގެ އެއްބަސްވުމެއްގައި ތިރީގައިވާ ކަންކަން ހިމަނަންވާނެ އެވެ.
- ކުޑަކުއްޖާ ކުރި ނުވަތަ ހިންގުމުގައި ބައިވެރިވި އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތަކުގެ ތަފްސީލު.
- އެއްބަސްވުމުގެ ދަށުން އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުކުރި ކުއްޖާ އަދި/ނުވަތަ ކުއްޖާގެ ބެލެނިވެރިޔާ ކުރުން ލާޒިމުކުރާ ކަންކަން. އެގޮތުން، މި މާއްދާގެ (ނ) ގެ ދަށުން ޕްރޮގްރާމެއްގައި ނުވަތަ އެއް ޕްރޮގްރާމަށްވުރެ ގިނަ ޕްރޮގްރާމްގައި ކުއްޖާ އަދި/ނުވަތަ ބެލެނިވެރިޔާ ބައިވެރިކުރުވާނަމަ އެ ޕްރޮގްރާމްތަކުގެ ތަފްސީލު.
- އެއްބަސްވުމުގައި ބަޔާންކުރާ ކަންކަން، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ފުރިހަމަކުރުމަށް ބެލެނިވެރިޔާ އެއްބަސްވާ އެއްބަސްވުން.
- އެ ކުއްޖާ ކުރިއަށް އޮތްތާނގައި އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުކުރުން ހުއްޓުވުމުގައި ބެލެނިވެރިޔާއަށް އެހީތެރިވުމުގެ ގޮތުން ކަމާބެހޭ އިދާރާތަކަށް ކޮށްދެވޭނެ ކަންތައްތައް.
(ށ) ކުޑަކުއްޖާ ކުރި އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލަކީ، އެފަދަ އަމަލުކުރުން ހުއްޓުވުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅައިގެން ނޫނީ ހައްލުނުވާނެ ކަމެއް ކަމަށް ކަމާބެހޭ އިދާރާއަކަށް ފެނިއްޖެނަމަ، އެ ކުއްޖާގެ ބެލެނިވެރިޔާ މި މާއްދާގެ (ނ) ގައި ބަޔާންކުރާ ޕްރޮގްރާމެއް ނުވަތަ ޕްރޮގްރާމްތަކެއްގައި ބައިވެރިވާންޖެހޭ ގޮތަށް އެއްބަސްވުމުގައި ކަނޑައެޅިދާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ބެލެނިވެރިކަމުގެ އެއްބަސްވުމެއްގެ ދަށުން އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލު ހިންގި ކުއްޖާ އަދި/ނުވަތަ ބެލެނިވެރިޔާ ބައިވެރިވާން ހުށަހަޅާ ޕްރޮގްރާމްތަކުގެ ތެރޭގައި، އަންނަނިވި ޕްރޮގްރާމްތައް ހިމެނިދާނެއެވެ.
- އެފަދަ އަމަލުތައް ހިންގާ ކުޑަކުދިންނާމެދު އަމަލުކުރާނެ ގޮތްތައް ދަސްކޮށްދީ، އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަކޮށްފައިވާ ކައުންސެލިންގ ނުވަތަ ގައިޑަންސް ޕްރޮގްރާމް.
- އާއިލާއާއެކު ބާއްވާ ކައުންސެލިންގ ޕްރޮގްރާމް.
- ރުޅިމަޑުކުރަން ދަސްކުރުމުގެ ޕްރޮގްރާމް.
23 ވަނަ މާއްދާ - ބެލެނިވެރިކަމުގެ އެއްބަސްވުމަށް ތަބާނުވުން
ބެލެނިވެރިކަމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް މީހަކު އިންކާރުކޮށްފިނަމަ، ނުވަތަ އެފަދަ އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު، އޭގައިވާ ކަމެއް ކުރުމަށް އިންކާރުކޮށްފިނަމަ، ތިރީގައިވާ ގޮތްތަކުންކުރެ ގޮތަކަށް އޭނާއާމެދު އަމަލުކުރެވިދާނެކަން އެމީހާއަށް އަންގަންވާނެއެވެ.
(ހ) އޭނާއާ ދެކޮޅަށް ބެލެނިވެރިކަމުގެ އަމުރަކަށް އެދި ކޯޓަށް ހުށަހެޅިދާނެކަން.
(ށ) މި ގާނޫނުގައި ބަޔާންކުރާ އެނޫންވެސް ފިޔަވަޅެއް އެޅިދާނެކަން.
ހަވަނަ ބާބު
އަމުރުތައް
24 ވަނަ މާއްދާ - އިޖްތިމާއީ އަމުރު
އިޖްތިމާއީ އަމުރަކީ، މީހަކު އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލެއް ކުރުމުން، އޭނާ އާންމު އިޖްތިމާއީ މިންގަނޑަށް ރުޖޫއަކުރުމަށްޓަކައި، ވަކި ކަންތައްތަކެއް ކުރުން އޭނާއަށް މަނާކޮށް ނުވަތަ ވަކި ކަންތައްތަކެއް ކުރުމަށް އޭނާއަށް ލާޒިމުކޮށް ކޯޓުން ކުރާ މަދަނީ އަމުރެކެވެ.
25 ވަނަ މާއްދާ - އިޖްތިމާއީ އަމުރަކަށް އެދުމާއި އަމުރުކުރުން
(ހ) މީހަކު، އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލެއް ނުވަތަ އަމަލުތަކެއް ހިންގައިފިނަމަ ނުވަތަ ހިންގަމުންދާނަމަ، ތިރީގައިވާ ހާލަތްތަކުގައި، އެމީހާއާ ދެކޮޅަށް އިޖްތިމާއީ އަމުރެއް ނެރެދިނުމަށް އެދި، ކަމާބެހޭ އިދާރާއިން ކޯޓަށް ހުށަހެޅިދާނެއެވެ.
- މި ގާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންކުރާ އިޖްތިމާއީ އެއްބަސްވުމެއްގައި ސޮއިކުރަން އެމީހާ އިންކާރުކުރުން.
- އެފަދަ އެއްބަސްވުމެއްގައި އެމީހަކު ކުރުމަށް ބަޔާންކޮށްފައިވާ ކަމެއް ނުކުރުން.
- އެފަދަ އެއްބަސްވުމަކަށް ދިޔުމަށްވުރެ އެކަށީގެންވަނީ އިޖްތިމާއީ އަމުރެއް ނެރުންކަމަށް ކަމާބެހޭ އިދާރާއަށް ގަބޫލުކުރެވުން.
(ށ) އިޖްތިމާއީ އަމުރެއް ނެރުމަކީ، އެކަމުގައި އެޅެން އޮތް އެންމެ އެކަށީގެންވާ ފިޔަވަޅުކަން، އަމުރަށް އެދޭ ފަރާތުން ކޯޓަށް ސާބިތުކޮށްދޭންވާނެއެވެ. އެގޮތުން، ތިރީގައިވާ ކަންކަން ކޯޓަށް ސާބިތުކޮށްދޭންވާނެއެވެ.
- އެމީހަކު އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލެއް ކޮށްފިކަން ނުވަތަ އެފަދަ އަމަލު ކުރަމުންގޮސްފައިވާކަން.
- އެ އަމަލުގެ ސަބަބުން މުޖްތަމައުގެ ބަޔަކަށް ބިރުވެރިކަމާއި ނުތަނަވަސްކަމާއި އުދާސް އިހުސާސްކުރަންޖެހިފައިވާކަން.
- އިޖްތިމާއީ އަމުރެއް ނެރުމަކީ، އެފަދަ އަމަލެއް ހިނގި ނުވަތަ ކުރިއަށް އޮތްތާނގައި ހިނގައިފާނެ ކަމަށް ބެލެވޭ ސަރަހައްދެއްގައި ނުވަތަ އަވަށެއްގައި ދިރިއުޅޭ ރައްޔިތުން އެފަދަ އަމަލުތަކުން ރައްކާތެރިކުރުމަށް ކޮންމެހެން ކުރަންޖެހޭ އަމުރަކަށްވާކަން.
(ނ) އިޖްތިމާއީ އަމުރަކަށް އެދި ކޯޓަށް ހުށަހަޅާއިރު، މަތީގައިވާ ކަންކަމާގުޅޭ ހެކި ހުށަހަޅަންވާނެއެވެ.
(ރ) މި މާއްދާގެ ދަށުން ހުށަހަޅައިފައިވާ އިޖްތިމާއީ އަމުރަކާ ގުޅޭގޮތުން މި މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކުރާ ކަންކަން ފުރިހަމަވާނަމަ، އަންނަނިވި ކަންކަން ށަރުތުކޮށް، އެފަދަ އަމުރެއް އެމީހެއްގެ މައްޗަށް ކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
- ވަކި ބާވަތެއްގެ އަމަލުތައް، ވަކި މުއްދަތެއް ވަންދެން ކުރުން މަނާކުރުން.
- ވަކި ސަރަހައްދުތަކަކަށް ދިޔުން ވަކި މުއްދަތަކަށް މަނާކުރުން.
- ކޯޓުން ކަނޑައަޅާ ކައުންސެލިންގ ނުވަތަ ގައިޑަންސް ޕްރޮގްރާމެއްގައި ވަކި މުއްދަތެއް ވަންދެން ބައިވެރިވާން ލާޒިމުކުރުން.
(ބ) އިޖްތިމާއީ އަމުރެއް ނެރުމުގެ ކުރިން، އަމުރު ރައްދުވާ ފަރާތަށް ފަސޭހައިން ދެނެގަނެވޭނެ ބަހުރުވައަކުން، އެ އަމުރާ ގުޅޭގޮތުން ކޯޓުން އަންނަނިވި ކަންކަން އޭނާއަށް ކިޔައިދޭންވާނެއެވެ.
- އަމުރު ނެރެވޭ ސަބަބު.
- އަމުރަށް ތަބާވާންޖެހޭނެކަން.
- އަމުރުގެ ދަށުން އޭނާ ކުރުން ލާޒިމުކުރާ ކަންތައްތައް.
- އަމުރުގެ ދަށުން ކުރުން ލާޒިމުކަމެއް ނުކޮށްފިނަމަ، މި ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުން ފިޔަވަޅުއެޅޭނެކަން.
- އަމުރު ރައްދުވާ ފަރާތުގެ އެދުމުގެ މަތިން، ނުވަތަ އަމުރަށް އެދުނު ފަރާތުގެ އެދުމުގެ މަތިން، އަމުރު މުރާޖިއާކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވާކަން.
- (6) 6އަމުރާ ދެކޮޅަށް އިސްތިއުނާފުކުރެވިދާނެކަން.
(ޅ) އިޖްތިމާއީ އަމުރެއްގައި، އެ އަމުރު ރައްދުވާ މީހާ ކުރުން ލާޒިމުކުރާ ނުވަތަ ކުރުން މަނާކުރާ ކަންކަން ވާންވާނީ، އެ ސަރަހައްދުގައި ނުވަތަ އަވަށުގައި ދިރިއުޅޭ ރައްޔިތުން އެފަދަ އަމަލުތަކުން ރައްކާތެރިކުރުމަށްޓަކައި ކޮންމެހެން އަޅަން ލާޒިމު ފިޔަވަޅުތަކެއް ކަމުގައެވެ.
(ކ) އިޖްތިމާއީ އަމުރެއް ދެމިއޮންނާނީ، އެ އަމުރުގައި ބަޔާންކުރާ މުއްދަތު ހަމަވާންދެނެވެ. އެންމެ ގިނަވެގެންވެސް އެފަދަ އަމުރެއް ކުރެވޭނީ 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށެވެ.
26 ވަނަ މާއްދާ – ބެލެނިވެރިކަމުގެ އަމުރު
(ހ) ބެލެނިވެރިކަމުގެ އަމުރަކީ، ކުޑަކުއްޖަކު އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލެއް ކުރުމުން، އެ ކުއްޖާ އާންމު އިޖްތިމާއީ މިންގަނޑަށް ރުޖޫއަކުރުމުގެ ގޮތުން އެ ކުއްޖާގެ ބެލެނިވެރިޔާ ޒިންމާދާރުކުރުވުމަށްޓަކައި، ވަކި ކަންތައްތަކެއް ކުރުން ބެލެނިވެރިޔާއަށް މަނާކޮށް ނުވަތަ ވަކި ކަންތައްތަކެއް ކުރުން ބެލެނިވެރިޔާއަށް ލާޒިމުކޮށް ކޯޓުން ކުރާ މަދަނީ އަމުރެކެވެ.
(ށ) ބެލެނިވެރިކަމުގެ އަމުރެއް ކުރަންވާނީ، 1 (އެކެއް) އަހަރު ދުވަހަށްވުރެ ދިގު ނޫން މުއްދަތެއްގެ ތެރޭގައި އެ އަމުރުގައިވާ ކަންކަން ކުރުމަށް ބެލެނިވެރިޔާއަށް ލާޒިމުކޮށެވެ. 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތު ހަމަވުމުން، އެ އަމުރު ބާތިލުވާނެއެވެ.
27 ވަނަ މާއްދާ - ބެލެނިވެރިކަމުގެ އަމުރަކަށް އެދުމާއި އަމުރުކުރުން
(ހ) ކުޑަކުއްޖަކު، އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލެއް ނުވަތަ އަމަލުތަކެއް ހިންގައިފިނަމަ ނުވަތަ ހިންގަމުންދާނަމަ، ތިރީގައިވާ ހާލަތްތަކުގައި، ބެލެނިވެރިކަމުގެ އަމުރެއް ނެރެދިނުމަށް އެދި، ކަމާބެހޭ އިދާރާއިން ކޯޓަށް ހުށަހެޅިދާނެއެވެ.
- މި ގާނޫނުގެ 20 ވަނަ މާއްދާގައި ބަޔާންކުރާ ބެލެނިވެރިކަމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ބެލެނިވެރިޔާ އިންކާރުކުރުން.
- އެފަދަ އެއްބަސްވުމެއްގައި ބެލެނިވެރިޔާ ކުރުމަށް ބަޔާންކޮށްފައިވާ ކަމެއް ނުކުރުން.
- އެފަދަ އެއްބަސްވުމަކަށް ދިޔުމަށްވުރެ އެކަށީގެންވަނީ ބެލެނިވެރިކަމުގެ އަމުރެއް ނެރުންކަމަށް ކަމާބެހޭ އިދާރާއަށް ގަބޫލުކުރެވުން.
(ށ) ބެލެނިވެރިކަމުގެ އަމުރެއް ނެރުމަކީ، އެކަމުގައި އެޅެން އޮތް އެންމެ އެކަށީގެންވާ ފިޔަވަޅުކަން، އަމުރަށް އެދޭ ފަރާތުން ކޯޓަށް ސާބިތުކޮށްދޭންވާނެއެވެ. އެގޮތުން، ތިރީގައިވާ ކަންކަން ކޯޓަށް ސާބިތުކޮށްދޭންވާނެއެވެ.
- ބެލެނިވެރިކަމުގެ އަމުރު އަމާޒުކުރެވޭ މީހާގެ ބެލެނިވެރިކަމުގެ ދަށުގައިވާ ކުއްޖާ، އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލެއް ކޮށްފިކަން ނުވަތަ އެފަދަ އަމަލުކުރަމުން ގޮސްފައިވާކަން.
- އެ އަމަލުގެ ސަބަބުން މުޖްތަމައުގެ ބަޔަކަށް ބިރުވެރިކަމާއި ނުތަނަވަސްކަމާއި އުދާސް އިހުސާސްކުރަންޖެހިފައިވާކަން.
- ބެލެނިވެރިކަމުގެ އަމުރެއް ނެރުމަކީ، އެފަދަ އަމަލެއް ހިނގި ނުވަތަ ކުރިއަށް އޮތްތާނގައި ހިނގައިފާނެ ކަމަށް ބެލެވޭ ސަރަހައްދެއްގައި ނުވަތަ އަވަށެއްގައި ދިރިއުޅޭ ރައްޔިތުން އެފަދަ އަމަލުތަކުން ރައްކާތެރިކުރުމަށް ކޮންމެހެން ކުރަންޖެހޭ އަމުރަކަށްވާކަން.
(ނ) ބެލެނިވެރިކަމުގެ އަމުރަކަށް އެދި ކޯޓަށް ހުށަހަޅާ އިރު، މަތީގައިވާ ކަންކަމާގުޅޭ ހެކި ހުށަހަޅަންވާނެއެވެ.
(ރ) މި މާއްދާގެ ދަށުން ބެލެނިވެރިކަމުގެ އަމުރެއް ނެރުމުގައި، އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުކުރި ކުއްޖާގެ އާއިލީ ދިރިއުޅުން ހުރިގޮތުގެ މައުލޫމާތު ހޯދައި، އެފަދަ އަމުރެއް ނެރުމުގެ ސަބަބުން އޭނާގެ އާއިލީ ދިރިއުޅުމަށް ކޮށްފާނެ ނޭދެވޭ އަސަރުތަކަށް ކޯޓުން ރިއާޔަތްކުރަންވާނެއެވެ.
(ބ) ބެލެނިވެރިކަމުގެ އަމުރެއް ނެރުމުގެ ކުރިން، ބެލެނިވެރިޔާއަށް ފަސޭހައިން ދެނެގަނެވޭނެ ބަހުރުވައަކުން، އެ އަމުރާ ގުޅޭގޮތުން އަންނަނިވި ކަންކަން ބެލެނިވެރިޔާއަށް ކޯޓުން ކިޔައިދޭންވާނެއެވެ.
- އަމުރު ނެރެވޭ ސަބަބު.
- އަމުރަށް ތަބާވާންޖެހޭނެކަން.
- އަމުރުގެ ދަށުން ބެލެނިވެރިޔާ ކުރުން ލާޒިމުކުރާ ކަންތައްތައް.
- އަމުރުގެ ދަށުން ކުރުން ލާޒިމުކަމެއް ނުކޮށްފިނަމަ، މި ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުން ފިޔަވަޅުއެޅޭނެކަން.
- ބެލެނިވެރިޔާގެ އެދުމުގެ މަތިން، ނުވަތަ އަމުރަށް އެދުނު ފަރާތުގެ އެދުމުގެ މަތިން، އަމުރު މުރާޖިއާކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވާކަން.
- އަމުރާ ދެކޮޅަށް އިސްތިއުނާފުކުރެވިދާނެކަން.
28 ވަނަ މާއްދާ - އަމުރާ ދެކޮޅަށް އިސްތިއުނާފުކުރުން
މި ގާނޫނުގެ ދަށުން މީހެއްގެ މައްޗަށް އިޖްތިމާއީ އަމުރެއް ނުވަތަ ބެލެނިވެރިކަމުގެ އަމުރެއް ކޯޓުން ކޮށްފިނަމަ، އެ އަމުރު ރައްދުވި މީހާއަށް އަމުރާ ދެކޮޅަށް އިސްތިއުނާފުކުރުމުގެ ހައްގު ލިބިގެންވެއެވެ.
29 ވަނަ މާއްދާ - އިޖްތިމާއީ އަމުރާއި ބެލެނިވެރިކަމުގެ އަމުރު ބަދަލުކުރުން ނުވަތަ ބާތިލުކުރުން
(ހ) މި ގާނޫނުގެ ދަށުން މީހެއްގެ މައްޗަށް އިޖްތިމާއީ އަމުރެއް ނުވަތަ ބެލެނިވެރިކަމުގެ އަމުރެއް ކޮށްފައިވަނިކޮށް، އެ އަމުރު ބާތިލުކޮށްދިނުމަށް އެދި ނުވަތަ އަމުރުގައިވާ ވަކި މާއްދާތަކެއް ބަދަލުކޮށްދިނުމަށް ނުވަތަ ބާތިލުކޮށްދިނުމަށް އެދި އެ އަމުރު ރައްދުވާ މީހާއަށް ނުވަތަ އަމުރަށް އެދުނު ފަރާތުން ކޯޓުގައި އެދެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން، އަމުރެއް ބަދަލުކޮށްދިނުމަށް ނުވަތަ ބާތިލުކޮށްދިނުމަށް ކޯޓުގައި އެދުމުން، ކޯޓުން އެ އަމުރު އަލުން މުރާޖިއާކުރުމަށްފަހު، ކޯޓަށް ފެނިއްޖެ ހިނދެއްގައި، އެ އަމުރު ބާތިލުކުރެވިދާނެއެވެ. ނުވަތަ ތިރީގައިވާ ގޮތްތަކުންކުރެ ގޮތަކަށް އެ އަމުރު ބަދަލުކުރެވިދާނެއެވެ.
- އަމުރުގައިވާ ވަކި މާއްދާއެއް ބަދަލުކުރުން.
- އަމުރުގައިވާ ވަކި މާއްދާއެއް ބާތިލުކުރުން.
- އަމުރުގައިވާ ވަކި މާއްދާއެއްގެ ބަދަލުގައި ނުވަތަ އޭގައިވާ ކަންކަމުގެ އިތުރަށް، މާއްދާއެއް ނުވަތަ މާއްދާތަކެއް އިތުރުކުރުން.
(ނ) މި މާއްދާގެ ދަށުން އަމުރެއް ބަދަލުކޮށްދިނުމަށް ނުވަތަ ބާތިލުކޮށްދިނުމަށް އެދި ހުށަހަޅައިފައިވާ ހުށަހެޅުމެއް ބަލައިނުގަތުމަށް ކޯޓަށް ފެނިއްޖެނަމަ، އެގޮތަށް އެ މައްސަލަ ނިންމުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
30 ވަނަ މާއްދާ - އިޖްތިމާއީ އަމުރާއި ބެލެނިވެރިކަމުގެ އަމުރާ ހިލާފުވުން
(ހ) މީހެއްގެ މައްޗަށް ކޮށްފައިވާ އިޖްތިމާއީ އަމުރެއް ނުވަތަ ބެލެނިވެރިކަމުގެ އަމުރެއް ހިނގަމުންދަނިކޮށް، އެކަށީގެންވާ ސަބަބެއް ނެތި، އެ އަމުރުގެ ދަށުން އޭނާ ކުރުން ލާޒިމުކަމެއް ނުކޮށްފިނަމަ ނުވަތަ އަމުރުގެ ދަށުން އޭނާ ކުރުން މަނާކޮށްފައިވާ ކަމެއް ކޮށްފިނަމަ، މި ގާނޫނުގެ ދަށުން އެމީހަކު ކުށެއް ކުރީ ކަމުގައި ބެލެވޭނެއެވެ.
(ށ) އިޖްތިމާއީ އަމުރެއް ނުވަތަ ބެލެނިވެރިކަމުގެ އަމުރެއްގެ ދަށުން މީހަކު ކުރުން މަނާކޮށްފައިވާ ކަމެއް އެމީހަކު ކުރީ ނުވަތަ އެފަދަ އަމުރެއްގެ ދަށުން މީހަކު ކުރުން ލާޒިމުކަމެއް ނުކޮށް ދޫކޮށްލީ، އެކަށީގެންވާ ސަބަބެއް އޮވެގެން ކަމުގައި ގަބޫލުކުރާނެ ހާލަތްތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށުގެ އަދަބަކީ، 2,000 (ދެހާސް) ރުފިޔާ އަށްވުރެ ގިނަނޫން އަދަދަކުން ޖޫރިމަނާކުރުން ނުވަތަ 6 (ހައެއް) މަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ގޭގައި ބަންދުކުރުން ނުވަތަ 2,000 (ދެހާސް) ރުފިޔާ އަށްވުރެ ގިނަނޫން އަދަދަކުން ޖޫރިމަނާކުރުމާއެކު 3 (ތިނެއް) މަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ގޭގައި ބަންދުކުރުމެވެ.
31 ވަނަ މާއްދާ - މައުލޫމާތު ހިއްސާކުރުން
މި ގާނޫނުގެ ދަށުން އިޖްތިމާއީ އަމުރަކަށް ނުވަތަ ބެލެނިވެރިކަމުގެ އަމުރަކަށް އެދެވޭނެ ކަމަށް ބަޔާންކުރާ އެއްވެސް އިދާރާއަކުން ބެލެނިވެރިކަމުގެ އަމުރަކަށް އެދުމުގެ ކުރިން، އެކަން، އެފަދަ އަމުރަށް އެދުމުގެ އިހްތިޔާރު ލިބިފައިވާ އެހެން އިދާރާތަކަށް އަންގަންވާނެއެވެ.
32 ވަނަ މާއްދާ - ވަގުތީ އަމުރަށް އެދުން
(ހ) ވަގުތީ އަމުރަކީ، މި ގާނޫނުގެ ދަށުން އިޖްތިމާއީ އަމުރަކަށް ނުވަތަ ބެލެނިވެރިކަމުގެ އަމުރަކަށް އެދި ކޯޓަށް މައްސަލައެއް ހުށަހަޅާފައިވަނިކޮށް، އެ އަމުރު ނެރުމާ ހަމައަށްވެސް، ނުވަތަ އެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން، ވަކި ކަންތައްތަކެއް ކުރުން މަނާކޮށް، އަމުރު ރައްދުވާ ފަރާތުގެ މައްޗަށް ކުރާ އަމުރެކެވެ.
(ށ) މި ގާނޫނުގެ ދަށުން އިޖްތިމާއީ އަމުރަކަށް ނުވަތަ ބެލެނިވެރިކަމުގެ އަމުރަކަށް އެދި ހުށަހަޅާފައިވަނިކޮށް، އެފަދަ އަމުރަކާ ގުޅިގެން ގޮތެއް ނިންމުމުގެ ކުރިން، ވަގުތީ އަމުރެއް ނެރުމަކީ މުހިންމުކަމެއް ކަމަށް ކޯޓަށް ފެނިއްޖެ ހިނދެއްގައި، އެފަދަ ވަގުތީ އަމުރެއް ކޯޓަށް ނެރެވިދާނެއެވެ.
(ނ) މި މާއްދާގެ ދަށުން ނެރޭ ވަގުތީ އަމުރު ވާންވާނީ ވަކި މުއްދަތަކަށް ނެރޭ އަމުރަކަށެވެ.
(ރ) މި މާއްދާގައި ބަޔާންކުރާ ވަގުތީ އަމުރަކަށް ބަދަލުގެނައުމުގެ ނުވަތަ ބާތިލުކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
(ބ) މި މާއްދާގެ ދަށުން ނެރޭ ވަގުތީ އަމުރެއްގައި އެ އަމުރު ބާތިލުވާނެ މުއްދަތެއް ކަނޑައަޅާފައި ނުވާނަމަ، ކޯޓުން ބަލަމުންދާ އިޖްތިމާއީ އަމުރު ނުވަތަ ބެލެނިވެރިކަމުގެ އަމުރުގެ މައްސަލައާމެދު ގޮތެއް ނިންމުމުން ވަގުތީ އަމުރު ބާތިލުވާނެއެވެ.
33 ވަނަ މާއްދާ - އަމުރާގުޅޭ އިޖުރާއަތު ކަނޑައެޅުން
މި ގާނޫނުގައި ބަޔާންކުރާ އަމުރަކަށް އެދި ކޯޓަށް ހުށަހަޅާނެ ގޮތާއި، ކަމާގުޅޭ ކޯޓުގެ އިޖުރާއަތު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
ހަތްވަނަ ބާބު
އިންޒާރާއި ޖޫރިމަނާގެ ނޯޓިސް
34 ވަނަ މާއްދާ - އިންޒާރު ދިނުން
(ހ) މި ގާނޫނުގެ ދަށުން މީހަކު ކުރާ އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލަކީ އެ އަމަލުގެ ސަބަބުން ލިބޭ ގެއްލުން ކުޑަ އަމަލެއްނަމަ، މި ގާނޫނުގެ ދަށުން އިޖްތިމާއީ އެއްބަސްވުމަކަށް ދިޔުމުގެ ބަދަލުގައި ނުވަތަ ބެލެނިވެރިކަމުގެ އެއްބަސްވުމަކަށް ދިޔުމުގެ ބަދަލުގައި، ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި، އެމީހާއަށް އިންޒާރު ދެވިދާނެއެވެ.
(ށ) މި މާއްދާގެ ދަށުން އިންޒާރު ދިނުމުގައި، ތިރީގައިވާ ދެގޮތުންކުރެ ގޮތަކަށް އަމަލުކުރެވިދާނެއެވެ.
- މި މާއްދާގެ (ނ) ގައި ބަޔާންކުރާ ކަންކަން ހިމެނޭ އިންޒާރުގެ ސިޓީއެއް، އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފަށް އަމަލުކުރި މީހާއަށް ފޮނުވުން.
- އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފަށް އަމަލުކުރި މީހާއާ، ކަމާބެހޭ އިދާރާއަކުން ބައްދަލުކޮށް، މި މާއްދާގެ (ނ) ގައި ބަޔާންކުރާ ކަންކަން ކިޔައިދީ، ނަސޭހަތްދިނުން.
(ނ) މި މާއްދާގެ ދަށުން އިންޒާރު ދިނުމުގައި، ދިމާވެގެންއުޅޭ މައްސަލައަކީ ކޮބައިކަން އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުކުރި މީހާއަށް، ނުވަތަ އެކަން ކުރީ ކުޑަކުއްޖެއްނަމަ، އެ ކުއްޖާއަށާއި އެ ކުއްޖާގެ ބެލެނިވެރިޔާއަށް، ބަޔާންކޮށްދީ، އެ އަމަލަކީ އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލެއްކަމާއި އެ އަމަލުގެ ނަތީޖާއަކީ ކޮބައިކަން ބަޔާންކޮށްދޭންވާނެއެވެ. އަދި އޭނާގެ އަމަލުތައް މޮނިޓަރކުރަމުންދާނެ ކަމަށާއި، އެފަދައިން އަމަލުތައް ބަހައްޓަމުންގެންދާނަމަ، އިޖްތިމާއީ އަމުރަކަށް އެދި ކޯޓަށް ހުށަހެޅިދާނެ ކަމަށް ނުވަތަ މި ގާނޫނުގެ ދަށުން ޖޫރިމަނާގެ ނޯޓިހެއް ދެވިދާނެކަން ނުވަތަ އޭނާއާމެދު އެނޫންވެސް ފިޔަވަޅެއް އެޅިދާނެކަން ބަޔާންކުރަންވާނެއެވެ.
35 ވަނަ މާއްދާ - ޖޫރިމަނާގެ ނޯޓިސް ދިނުން
(ހ) ޖޫރިމަނާގެ ނޯޓިހަކީ، މި ގާނޫނުގެ ދަށުން އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލެއް ކަމަށް ކަނޑައަޅާފައިވާ އަމަލެއް ކޮށްފި މީހަކަށް، އެ ނޯޓިހުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ވަކި އަދަދެއްގެ ޖޫރިމަނާ ފައިސާއެއް ދެއްކުމަށްފަހު، އޭނާގެ މައްޗަށް މި ގާނޫނުގެ ދަށުން އިތުރު ފިޔަވަޅުއެޅުމުން ބަރީއަވުމުގެ ފުރުސަތު ދިނުމުގެދ ގޮތުން ދެވޭ ނޯޓިހެކެވެ.
(ށ) އެ ނޯޓިހުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ނޯޓިސް ރައްދުވާ ފަރާތުން ޖޫރިމަނާ ފައިސާ ދައްކައިފިނަމަ، އޭނާގެ މައްޗަށް މި ގާނޫނުގެ ދަށުން އިތުރު ފިޔަވަޅުއަޅައިގެން ނުވާނެއެވެ.
(ނ) އެ ނޯޓިހުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ޖޫރިމަނާ ފައިސާ ނުދައްކައިފިނަމަ، އޭނާއާމެދު މި ގާނޫނުގެ ދަށުން އިތުރު ފިޔަވަޅުއެޅިދާނެއެވެ. އެގޮތުން އެޅޭނެ ފިޔަވަޅުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ، (ށ) ، އަދި (ނ) ގައިވާ ކަންކަން އެ ނޯޓިހުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.
(ބ) މީހަކަށް މި ގާނޫނުގެ ދަށުން ޖޫރިމަނާގެ ނޯޓިހެއް ދެވޭނީ، މި ގާނޫނުގައި ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ އަދަދަކުން ޖޫރިމަނާކުރުމަށެވެ.
ހަތަރުވަނަ ބައި
އަމަލާއި ފިޔަވަޅު
އަށްވަނަ ބާބު
ފިޔަވަޅުއެޅުމުގެ އިޖުރާއަތު
36 ވަނަ މާއްދާ - އަވަށްޓެރިންނަށް އުނދަގޫކުރުމާއި ބިރުދެއްކުމާ ގުޅިގެން އެޅޭ ފިޔަވަޅު
(ހ) މި ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކުރާ އަމަލެއް މީހަކު ކޮށްފިނަމަ، ކަމާބެހޭ އިދާރާއިން ފުރަތަމަ ބަލާނީ، އެމީހަކަށް މި ގާނޫނުގެ 34 ވަނަ މާއްދާގައި ބަޔާންކުރާ އިންޒާރު ދީގެން އެކަން ހައްލުވޭތޯއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އެކަން ހައްލުނުކުރެވިއްޖެނަމަ، ނުވަތަ އެފަދައިން ހައްލުނުވާނެ ކަމަށް ކަމާބެހޭ އިދާރާއަށް ފެނިއްޖެނަމަ، މި ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކުރާ އަމަލުކުރާ މީހާއާއެކު މި ގާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންކުރާ އިޖްތިމާއީ އެއްބަސްވުމެއް ކަމާބެހޭ އިދާރާއަށް ވެވިދާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައިވާ ފަދައިން އިޖްތިމާއީ އެއްބަސްވުމެއް ކުރުމުގައި، މި ގާނޫނުގެ 18 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތު މެދުވެރިވެއްޖެނަމަ، އެ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ އަމަލުކުރި މީހާއާ ދެކޮޅަށް މި ގާނޫނުގެ 24 ވަނަ މާއްދާގައި ބަޔާންކުރާ އިޖްތިމާއީ އަމުރަކަށް އެދި ކޯޓަށް ހުށަހެޅިދާނެއެވެ.
(ރ) މި ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކުރާ އަމަލަކީ، އެ އަމަލުގެ ސަބަބުން ލިބުނު ގެއްލުން ބޮޑު އަމަލެއް ކަމުގައިވާނަމަ، ނުވަތަ އެ އަމަލުކުރި މީހާ އެފަދަ އަމަލުކުރުން ތަކުރާރުކުރާނަމަ، މި މާއްދާގެ (ށ) ގެ ދަށުން އިޖްތިމާއީ އެއްބަސްވުމެއް ވުމުގެ ބަދަލުގައި، ސީދާ އިޖްތިމާއީ އަމުރަކަށް އެދި ކަމާބެހޭ އިދާރާއިން ކޯޓަށް ހުށަހެޅިދާނެއެވެ.
(ބ) މި މާއްދާގެ ދަށުން މީހެއްގެ މައްޗަށް އިޖްތިމާއީ އަމުރެއް ކޮށްފައިވަނިކޮށް، މި ގާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ މާއްދާގެ ދަށުން އެމީހެއްގެ މައްޗަށް ކުށުގެ ދައުވާ އުފުލިދާނެއެވެ.
37 ވަނަ މާއްދާ - މަގުހިނގާ މީހުންނަށް އުނދަގޫކުރުމާއި ބިރުދެއްކުމާ ގުޅިގެން އެޅޭ ފިޔަވަޅު
(ހ) މި ގާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ އަމަލެއް މީހަކު ކޮށްފިނަމަ، ކަމާބެހޭ އިދާރާއިން ފުރަތަމަ ބަލާނީ، އެމީހަކަށް މި ގާނޫނުގެ 34 ވަނަ މާއްދާގައި ބަޔާންކުރާ އިންޒާރު ދީގެން އެކަން ހައްލުވޭތޯއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އެކަން ހައްލުނުކުރެވިއްޖެނަމަ، ނުވަތަ އެފަދައިން ހައްލުނުވާނެ ކަމަށް ކަމާބެހޭ އިދާރާއަށް ފެނިއްޖެނަމަ، އެ އަމަލުކުރި މީހާއާއެކު މި ގާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންކުރާ އިޖްތިމާއީ އެއްބަސްވުމެއް ކަމާބެހޭ އިދާރާއަށް ވެވިދާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައިވާ ފަދައިން އިޖްތިމާއީ އެއްބަސްވުމެއް ވުމުގައި، މި ގާނޫނުގެ 18 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތު މެދުވެރިވެއްޖެނަމަ، އެ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ އަމަލުކުރި މީހާއާ ދެކޮޅަށް މި ގާނޫނުގެ 24 ވަނަ މާއްދާގައި ބަޔާންކުރާ އިޖްތިމާއީ އަމުރަކަށް އެދި ކޯޓަށް ހުށަހެޅިދާނެއެވެ.
(ރ) މި ގާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ އަމަލަކީ، އެ އަމަލުގެ ސަބަބުން ލިބުނު ގެއްލުން ބޮޑު އަމަލެއް ކަމުގައިވާނަމަ، ނުވަތަ އެ އަމަލުކުރި މީހާ އެފަދަ އަމަލުކުރުން ތަކުރާރުކުރާނަމަ، މި މާއްދާގެ (ށ) ގެ ދަށުން އިޖްތިމާއީ އެއްބަސްވުމެއް ވުމުގެ ބަދަލުގައި، ސީދާ އިޖްތިމާއީ އަމުރަކަށް އެދި ކަމާބެހޭ އިދާރާއިން ކޯޓަށް ހުށަހެޅިދާނެއެވެ.
(ބ) މި މާއްދާގެ ދަށުން މީހެއްގެ މައްޗަށް އިޖްތިމާއީ އަމުރެއް ކޮށްފައިވަނިކޮށް، މި ގާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ މާއްދާގެ ދަށުން އެމީހެއްގެ މައްޗަށް ކުށުގެ ދައުވާ އުފުލިދާނެއެވެ.
38 ވަނަ މާއްދާ - ޒިންމާދާރު މީހަކާ ނުލައި ކުޑަކުދިން ބޭރުގައި އުޅުން
މި ގާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތުގައިވާ ކުއްޖަކީ އުމުރުން 16 އަހަރުން ދަށުގެ ކުއްޖެއް ކަމަށާއި، އެ ކުއްޖާ ވަނީ ޒިންމާދާރު މީހެއްގެ ބެލުމުގެ ދަށުގައި ނޫންކަމަށް، އަދި އެ ކުއްޖާ މަގުމަތީގައިވަނީ މަގުބޫލު އުޒުރެއްނެތި ކަމަށް އެކަށީގެންވާ ސަބަބާއެކު ކަމާބެހޭ އިދާރާއަކަށް ގަބޫލުކުރެވޭނަމަ، އެ ކުއްޖާ ދިރިއުޅޭ ތަނަކަށް އެ ކުއްޖާ ގެންދިޔުމުގެ އިހްތިޔާރު ކަމާބެހޭ އިދާރާތަކަށް ލިބިގެންވެއެވެ.
39 ވަނަ މާއްދާ - ތަންތާނގައި ލިޔުމާއި ކުރެހުން
(ހ) މި ގާނޫނުގެ 9 ވަނަ މާއްދާގައި ބަޔާންކުރާ އަމަލެއް މީހަކު ކޮށްފިނަމަ، ކަމާބެހޭ އިދާރާއިން ފުރަތަމަ ބަލާނީ، އެމީހަކަށް މި ގާނޫނުގެ 34 ވަނަ މާއްދާގައި ބަޔާންކުރާ އިންޒާރު ދީގެން އެކަން ހައްލުވޭތޯއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އެކަން ހައްލުނުކުރެވިއްޖެނަމަ، ނުވަތަ އެފަދައިން ހައްލުނުވާނެ ކަމަށް ކަމާބެހޭ އިދާރާއަށް ފެނިއްޖެނަމަ، އެ އަމަލުކުރި މީހާއާއެކު މި ގާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންކުރާ އިޖްތިމާއީ އެއްބަސްވުމެއް ކަމާބެހޭ އިދާރާއަށް ވެވިދާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައިވާ ފަދައިން އިޖްތިމާއީ އެއްބަސްވުމެއް ވުމުގައި، މި ގާނޫނުގެ 18 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތު މެދުވެރިވެއްޖެނަމަ، އެ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ އަމަލުކުރި މީހާއާ ދެކޮޅަށް މި ގާނޫނުގެ 24 ވަނަ މާއްދާގައި ބަޔާންކުރާ އިޖްތިމާއީ އަމުރަކަށް އެދި ކޯޓަށް ހުށަހެޅިދާނެއެވެ. ނުވަތަ މި ގާނޫނުގެ 9 ވަނަ މާއްދާގައި ބަޔާންކުރާ އަމަލެއް ހިންގީ ވަކި މީހަކު ކަމަށް ގަބޫލުކުރުމުގައި އެކަށީގެންވާ ހެކި ލިބިފައިވާނަމަ، މި ގާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ އަމަލުކުރި މީހާއަށް މި ގާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކުރާ ޖޫރިމަނާގެ ނޯޓިހެއް ދެވިދާނެއެވެ.
(ރ) މި ގާނޫނުގެ 9 ވަނަ މާއްދާގައި ބަޔާންކުރާ އަމަލަކީ، އެ އަމަލުގެ ސަބަބުން ލިބުނު ގެއްލުން ބޮޑު އަމަލެއް ކަމުގައިވާނަމަ، ނުވަތަ އެ އަމަލުކުރި މީހާ އެފަދަ އަމަލުކުރުން ތަކުރާރުކުރާނަމަ، މި މާއްދާގެ (ށ) ގެ ދަށުން އިޖްތިމާއީ އެއްބަސްވުމެއް ވުމުގެ ބަދަލުގައި، ސީދާ އިޖްތިމާއީ އަމުރަކަށް އެދި ކަމާބެހޭ އިދާރާއިން ކޯޓަށް ހުށަހެޅިދާނެއެވެ.
(ބ) މި މާއްދާގެ ދަށުން މީހެއްގެ މައްޗަށް އިޖްތިމާއީ އަމުރެއް ކޮށްފައިވަނިކޮށް، މި ގާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ މާއްދާގެ ދަށުން އެމީހެއްގެ މައްޗަށް ކުށުގެ ދައުވާ އުފުލިދާނެއެވެ.
(ޅ) މި މާއްދާގެ ދަށުން ދޭ ޖޫރިމަނާގެ ނޯޓިހާގުޅިގެން މީހަކު 500 (ފައްސަތޭކަ) ރުފިޔާ އަށްވުރެ ގިނަނޫން އަދަދަކުން ޖޫރިމަނާކުރެވިދާނެއެވެ.
(ކ) މި މާއްދާގެ ދަށުން ޖޫރިމަނާކުރުމަށްޓަކައި މީހެއްގެ ނަމާއި އެޑްރެސް އެހުމުން، އެ މައުލޫމާތު ނުދީފިނަމަ، ނުވަތަ ދޮގު މައުލޫމާތެއް ދީފިނަމަ، އެމީހަކު އެ ކުރީ ކުށެކެވެ.
(އ) މި މާއްދާގެ (ކ) ގައި ބަޔާންކުރާ ކުށުގެ އަދަބަކީ، 2,000 (ދެހާސް) ރުފިޔާ އަށްވުރެ ގިނަނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.
(ވ) މީހަކު މި މާއްދާގައި ބަޔާންކުރާ އަމަލެއް ކޮށްފިކަމަށް ބެލެވޭނަމަ، އެފަދަ އަމަލެއްކުރަން ބޭނުންކުރެވިދާނެ އެއްވެސް އާލާތެއް މީހެއްގެ އަތުގައި އޮތްތޯ ބެލުމަށްޓަކައި ތިރީގައިވާ ކަންކަން ކުރުމުގެ ބާރު މި ގާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކުރާ ކަމާބެހޭ އިދާރާތަކަށް ލިބިގެންވެއެވެ.
- އެމީހާގެ ހަށިގަނޑު ބަލައި ފާސްކުރުން.
- އެމީހާ ދަތުރުކުރާ ދުއްވާ އެއްޗެއް ހުއްޓުވުމަށްފަހު، އެ ދުއްވާ އެއްޗެއް ބަލައި ފާސްކުރުން.
40 ވަނަ މާއްދާ - ޕޯސްޓަރު ނުވަތަ ބެނާރ ހަރުކުރުމާ ގުޅިގެން އެޅޭ ފިޔަވަޅު
(ހ) މި ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ އަމަލެއް މީހަކު ކޮށްފިނަމަ، ކަމާބެހޭ އިދާރާއިން ފުރަތަމަ ބަލާނީ، އެމީހަކަށް މި ގާނޫނުގެ 34 ވަނަ މާއްދާގައި ބަޔާންކުރާ އިންޒާރު ދީގެން އެކަން ހައްލުވޭތޯއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އެކަން ހައްލުނުކުރެވިއްޖެނަމަ، އެ އަމަލު ހިންގީ ވަކި މީހަކު ކަމަށް ގަބޫލުކުރުމުގައި އެކަށީގެންވާ ހެކި ލިބިފައިވާނަމަ، ކަމާބެހޭ އިދާރާއަކަށް، އެ އަމަލު ހިންގި މީހާއަށް މި ގާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކުރާ ޖޫރިމަނާގެ ނޯޓިހެއް ދެވިދާނެއެވެ.
(ނ) މި މާއްދާގެ ދަށުން ދޭ ޖޫރިމަނާގެ ނޯޓިހާގުޅިގެން މީހަކު 500 (ފައްސަތޭކަ) ރުފިޔާ އަށްވުރެ ގިނަނޫން އަދަދަކުން ޖޫރިމަނާކުރެވިދާނެއެވެ.
(ރ) މި މާއްދާގެ ދަށުން ޖޫރިމަނާކުރުމަށްޓަކައި މީހެއްގެ ނަމާއި އެޑްރެސް އެހުމުން، އެ މައުލޫމާތު ނުދީފިނަމަ، ނުވަތަ ދޮގު މައުލޫމާތެއް ދީފިނަމަ، އެމީހަކު އެކުރީ ކުށެކެވެ.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކުރާ ކުށުގެ އަދަބަކީ، 2,000 (ދެހާސް) ރުފިޔާ އަށްވުރެ ގިނަނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.ަ
41 ވަނަ މާއްދާ - އަޑުގަދަކުރުމާ ގުޅިގެން އެޅޭ ފިޔަވަޅު
(ހ) މި ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކުރާ އަމަލުކުރާ މީހަކަށް، އެކަން ނުކުރުމަށް އަންގައި، އެކަން ހުއްޓުމަށް 15 (ފަނަރަ) މިނެޓުގެ ފުރުސަތެއް ދިނުމަށްފަހުގައިވެސް ނުހުއްޓައިފިނަމަ، ކަމާބެހޭ އިދާރާއަކުން، އެ އަމަލު ހިންގި މީހާއަށް މި ގާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކުރާ ޖޫރިމަނާގެ ނޯޓިހެއް ދެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ދޭ ޖޫރިމަނާގެ ނޯޓިހުގައި ބަޔާންކުރާ ޖޫރިމަނާ ފައިސާ ނުދައްކައިފިނަމަ، އެމީހާއާ ދެކޮޅަށް އިޖްތިމާއީ އަމުރަކަށް އެދި ކޯޓަށް ހުށަހެޅިދާނެކަން ބަޔާންކުރަންވާނެއެވެ.
(ނ) މި މާއްދާގެ ދަށުން ދޭ ޖޫރިމަނާގެ ނޯޓިހާގުޅިގެން މީހަކު 500 (ފައްސަތޭކަ) ރުފިޔާ އަށްވުރެ ގިނަނޫން އަދަދަކުން ޖޫރިމަނާކުރެވިދާނެއެވެ.
(ރ) މި މާއްދާގެ ދަށުން ޖޫރިމަނާކުރުމަށްޓަކައި މީހެއްގެ ނަމާއި އެޑްރެސް އެހުމުން، އެ މައުލޫމާތު ނުދީފިނަމަ، ނުވަތަ ދޮގު މައުލޫމާތެއް ދީފިނަމަ، އެމީހަކު އެކުރީ ކުށެކެވެ.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކުރާ ކުށުގެ އަދަބަކީ 2,000 (ދެހާސް) ރުފިޔާ އަށްވުރެ ގިނަނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.
42 ވަނަ މާއްދާ - ކުނިއުކަން ކަނޑައަޅާފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނަށް ކުނިއުކުމާ ގުޅިގެން އެޅޭ ފިޔަވަޅު
(ހ) މި ގާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކުރާ އަމަލެއް ހިންގީ ވަކި މީހަކު ކަމަށް ގަބޫލުކުރުމުގައި އެކަށީގެންވާ ހެކި ލިބިފައިވާނަމަ، ކަމާބެހޭ އިދާރާތަކުގެ ތެރެއިން ހުއްދަލިބިފައިވާ ފަރާތަކުން، އެ އަމަލު ހިންގި މީހާއަށް މި ގާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކުރާ ޖޫރިމަނާގެ ނޯޓިހެއް ދެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ދޭ ޖޫރިމަނާގެ ނޯޓިހުގައި ބަޔާންކުރާ ޖޫރިމަނާ ފައިސާ ނުދައްކައިފިނަމަ، އެމީހާއާ ދެކޮޅަށް އިޖްތިމާއީ އަމުރަކަށް އެދި ކޯޓަށް ހުށަހެޅިދާނެކަން ބަޔާންކުރަންވާނެއެވެ.
(ނ) މި މާއްދާގެ ދަށުން ދޭ ޖޫރިމަނާގެ ނޯޓިހާ ގުޅިގެން މީހަކު 500 (ފައްސަތޭކަ) ރުފިޔާ އަށްވުރެ ގިނަނޫން އަދަދަކުން ޖޫރިމަނާކުރެވިދާނެއެވެ.
(ރ) މި މާއްދާގެ ދަށުން ޖޫރިމަނާކުރުމަށްޓަކައި މީހެއްގެ ނަމާއި އެޑްރެސް އެހުމުން، އެ މައުލޫމާތު ނުދީފިނަމަ، ނުވަތަ ދޮގު މައުލޫމާތެއް ދީފިނަމަ، އެމީހަކު އެކުރީ ކުށެކެވެ.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކުރާ ކުށުގެ އަދަބަކީ، 2,000 (ދެހާސް) ރުފިޔާ އަށްވުރެ ގިނަނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.
43 ވަނަ މާއްދާ - މަގުމަތި ހަޑިކުރުމާ ގުޅިގެން އެޅޭ ފިޔަވަޅު
(ހ) މި ގާނޫނުގެ 13 ވަނަ މާއްދާގައި ބަޔާންކުރާ އަމަލެއް ހިންގީ ވަކި މީހެއް ނުވަތަ ބަޔަކު ކަމަށް ގަބޫލުކުރުމުގައި އެކަށީގެންވާ ހެކި ލިބިފައިވާނަމަ ނުވަތަ ކަމާބެހޭ އިދާރާއެއްގެ މުވައްޒަފަކަށް އެފަދަ އަމަލެއް މީހަކު ނުވަތަ ބަޔަކު ހިންގަނިކޮށް ފެނިއްޖެނަމަ، ކަމާބެހޭ އިދާރާތަކުގެ ތެރެއިން ހުއްދަ ލިބިފައިވާ ފަރާތަކުން އެ އަމަލު ހިންގި މީހާއަށް މި ގާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކުރާ ޖޫރިމަނާގެ ނޯޓިހެއް ދެވިދާނެއެވެ.
(ށ) މި މާއްދާގެ ދަށުން ދޭ ޖޫރިމަނާގެ ނޯޓިހާގުޅިގެން މީހަކު 500 (ފައްސަތޭކަ) ރުފިޔާ އަށްވުރެ ގިނަނޫން އަދަދަކުން ޖޫރިމަނާކުރެވިދާނެއެވެ.
(ނ) މި މާއްދާގެ ދަށުން ޖޫރިމަނާކުރުމަށްޓަކައި މީހެއްގެ ނަމާއި އެޑްރެސް އެހުމުން، އެ މައުލޫމާތު ނުދީފިނަމަ ނުވަތަ ދޮގު މައުލޫމާތެއް ދީފިނަމަ، އެމީހަކު އެކުރީ ކުށެކެވެ.
(ރ) މި މާއްދާގެ (ރ) ގައި ބަޔާންކުރާ ކުށުގެ އަދަބަކީ، 2,000 (ދެހާސް) ރުފިޔާ އަށްވުރެ ގިނަނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.
44 ވަނަ މާއްދާ - ކުއްޔަށް އުޅޭ މީހުން އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުކުރުމުން އެޅޭ ފިޔަވަޅު
(ހ) މި ގާނޫނުގެ 14 ވަނަ މާއްދާގައި ބަޔާންކުރާ އަމަލެއް މީހަކު ކޮށްފިނަމަ، ކަމާބެހޭ އިދާރާއިން ފުރަތަމަ ބަލާނީ، އެމީހަކަށް މި ގާނޫނުގެ 34 ވަނަ މާއްދާގައި ބަޔާންކުރާ އިންޒާރު ދީގެން އެކަން ހައްލުވޭތޯއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އެކަން ހައްލުނުކުރެވިއްޖެނަމަ، ނުވަތަ އެފަދައިން ހައްލުނުވާނެ ކަމަށް ކަމާބެހޭ އިދާރާއަށް ފެނިއްޖެނަމަ، އެ އަމަލުކުރާ މީހާއާއެކު މި ގާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންކުރާ އިޖްތިމާއީ އެއްބަސްވުމެއް ކަމާބެހޭ އިދާރާއަށް ވެވިދާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައިވާ ފަދައިން އިޖްތިމާއީ އެއްބަސްވުމެއް ވުމުގައި، މި ގާނޫނުގެ 18 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތު މެދުވެރިވެއްޖެނަމަ، އެ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ އަމަލުކުރި މީހާއާ ދެކޮޅަށް މި ގާނޫނުގެ 24 ވަނަ މާއްދާގައި ބަޔާންކުރާ އިޖްތިމާއީ އަމުރަކަށް އެދި ކޯޓަށް ހުށަހެޅިދާނެއެވެ. ނުވަތަ މި ގާނޫނުގެ 14 ވަނަ މާއްދާގައި ބަޔާންކުރާ އަމަލެއް ހިންގީ ވަކި މީހަކު ކަމަށް ގަބޫލުކުރުމުގައި އެކަށީގެންވާ ހެކި ލިބިފައިވާނަމަ، މި ގާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ އަމަލުކުރި މީހާއަށް މި ގާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކުރާ ޖޫރިމަނާގެ ނޯޓިހެއް ދެވިދާނެއެވެ.
(ރ) މި ގާނޫނުގެ 14 ވަނަ މާއްދާގައި ބަޔާންކުރާ އަމަލަކީ، އެ އަމަލުގެ ސަބަބުން ލިބުނު ގެއްލުން ބޮޑު އަމަލެއް ކަމުގައިވާނަމަ، މި މާއްދާގެ (ށ) ގެ ދަށުން އިޖްތިމާއީ އެއްބަސްވުމެއް ކުރުމުގެ ބަދަލުގައި، ސީދާ އިޖްތިމާއީ އަމުރަކަށް އެދި ކަމާބެހޭ އިދާރާއަށް ކޯޓަށް ހުށަހެޅިދާނެއެވެ.
(ބ) މި މާއްދާގެ ދަށުން މީހެއްގެ މައްޗަށް އިޖްތިމާއީ އަމުރެއް ކޮށްފައިވަނިކޮށް، މި ގާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ މާއްދާގެ ދަށުން އެމީހެއްގެ މައްޗަށް ކުށުގެ ދައުވާ އުފުލިދާނެއެވެ.
(ޅ) މި މާއްދާގެ ދަށުން ދޭ ޖޫރިމަނާގެ ނޯޓިހާ ގުޅިގެން މީހަކު 500 (ފައްސަތޭކަ) ރުފިޔާ އަށްވުރެ ގިނަނޫން އަދަދަކުން ޖޫރިމަނާކުރެވިދާނެއެވެ.
(ކ) މި މާއްދާގެ ދަށުން ޖޫރިމަނާކުރުމަށްޓަކައި މީހެއްގެ ނަމާއި އެޑްރެސް އެހުމުން، އެ މައުލޫމާތު ނުދީފިނަމަ، ނުވަތަ ދޮގު މައުލޫމާތެއް ދީފިނަމަ، އެމީހަކު އެކުރީ ކުށެކެވެ.
(އ) މި މާއްދާގެ (ކ) ގައި ބަޔާންކުރާ ކުށުގެ އަދަބަކީ، 2,000 (ދެހާސް) ރުފިޔާ އަށްވުރެ ގިނަނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.
(ވ) މި ގާނޫނުގެ 14 ވަނަ މާއްދާގައި ބަޔާންކުރާ އަމަލުކުރި މީހާ އެފަދަ އަމަލުކުރުން ތަކުރާރުކުރާނަމަ، ނުވަތަ އެ އަމަލަކީ އަނިޔާވެރި އަމަލެއް ކަމުގައިވާނަމަ ނުވަތަ އެ އަމަލުގެ ސަބަބުން މީހަކަށް ގެއްލުން ލިބިއްޖެކަމަށްވާނަމަ، މި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، މި ގާނޫނުގެ 32 ވަނަ މާއްދާގައި ބަޔާންކުރާ ވަގުތީ އަމުރަކަށް އެދި ކަމާބެހޭ އިދާރާއަށް ކޯޓަށް ހުށަހެޅިދާނެއެވެ.
(މ) މި މާއްދާގެ (ވ) ގެ ދަށުން ވަގުތީ އަމުރަކަށް އެދޭއިރު، އެ އަމަލުކުރި މީހާ އެ ގެއިން ނުވަތަ އެ އިމާރާތުން ނިކުތުމަށް އެދި އެ އަމުރު ކޮށްދިނުމަށް އެދި ހުށަހެޅިދާނެއެވެ. އަދި އެމީހާ އެ ގޭގައި ނުވަތަ އިމާރާތުގައި އުޅެނީ އޭނާގެ އާއިލާއާ އެކުގައި ކަމަށްވާނަމަ، އޭނާއާއި އޭނާގެ އާއިލާ އެކުގައި ނެރުމަށް ވެސް އަމުރުގައި އެދެވިދާނެއެވެ.
45 ވަނަ މާއްދާ - ކުޑަކުދިން އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުކުރުމާ ގުޅިގެން އެޅޭ ފިޔަވަޅު
(ހ) މި ގާނޫނުގެ 6 ވަނަ މާއްދާއިން ފެށިގެން 14 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ބަޔާންކުރާ އަމަލުތަކުގެ ތެރެއިން އަމަލެއް ކުރީ ކުޑަކުއްޖެއް ކަމުގައިވާނަމަ، އޭނާއާ މެދު އެޅޭނެ އެންމެ އެކަށީގެންވާ ފިޔަވަޅަކީ އޭނާގެ ބެލެނިވެރިޔާއާއެކު މި ގާނޫނުގެ 20 ވަނަ މާއްދާގައި ބަޔާންކުރާ ބެލެނިވެރިކަމުގެ އެއްބަސްވުމަކަށް ދިޔުން ކަމަށް، ކަމާބެހޭ އިދާރާއަށް ފެނިއްޖެ ހިނދެއްގައި، އެ އަމަލުކުރި ކުއްޖާގެ ބެލެނިވެރިޔާއާއެކު ބެލެނިވެރިކަމުގެ އެއްބަސްވުމެއް ވެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ފަދައިން ބެލެނިވެރިކަމުގެ އެއްބަސްވުމެއް ވުމުގައި، މި ގާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތު މެދުވެރިވެއްޖެނަމަ، އެ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ ބެލެނިވެރިޔާއާ ދެކޮޅަށް މި ގާނޫނުގެ 26 ވަނަ މާއްދާގައި ބަޔާންކުރާ ބެލެނިވެރިކަމުގެ އަމުރަކަށް އެދި ކޯޓަށް ހުށަހެޅިދާނެއެވެ.
(ނ) މި މާއްދާގެ ދަށުން މީހެއްގެ މައްޗަށް ބެލެނިވެރިކަމުގެ އަމުރެއް ކޮށްފައިވަނިކޮށް، މި ގާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ މާއްދާގެ ދަށުން އެމީހެއްގެ މައްޗަށް ކުށުގެ ދައުވާ އުފުލިދާނެއެވެ.
(ރ) މި މާއްދާގެ (ހ) އިން ފެށިގެން (ނ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރަށް، އަންނަނިވި ގޮތުގެމަތިން އަމަލުކުރުމުގެ އިހްތިޔާރު ކަމާބެހޭ އިދާރާތަކަށް ލިބިގެންވެއެވެ.
- އެ ކުއްޖާ ދިރިއުޅޭ ތަނަކަށް އެ ކުއްޖާ ގެންގޮސް، އެ ކުއްޖާގެ ބެލެނިވެރިޔާއާ ހަވާލުކުރުން.
- އެ ކުއްޖާ ކުރި އަމަލުގެ މައުލޫމާތު އެ ކުއްޖާގެ ބެލެނިވެރިޔާއަށް ދިނުން.
- އެފަދަ އަމަލުކުރުން ހުއްޓުމަށް ނަސޭހަތްދިނުން.
- އެފަދަ އަމަލު ތަކުރާރުކުރާނަމަ، މި މާއްދާގެ (ރ) ގައިވާ ގޮތްތަކުންކުރެ ގޮތަކަށް އެ ކުއްޖާއާމެދު ފިޔަވަޅުއެޅިދާނެކަމުގެ އިންޒާރުދިނުން.
(ބ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އަމަލެއް ތަކުރާރުކުރާ ކުއްޖަކާމެދު ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަމާބެހޭ އިދާރާއަކަށް އަމަލުކުރެވިދާނެއެވެ.
- އެ ކުއްޖާއާ ދެކޮޅަށް މި ގާނޫނުގެ 24 ވަނަ މާއްދާގައި ބަޔާންކުރާ އިޖްތިމާއީ އަމުރަކަށް އެދި ކޯޓަށް ހުށަހެޅުން.
- ބެލެނިވެރިޔާއަށް ޖޫރިމަނާގެ ނޯޓިހެއް ދިނުން.
ފަސްވަނަ ބައި
އެހެނިހެން
ނުވަވަނަ ބާބު
އާންމު މާއްދާތައް
46 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން
(ހ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދާނީ ތިރީގައިވާ ކަންކަމާ ގުޅޭގޮތުން، ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކުންނެވެ.
- ތިމާވެށްޓާ ގުޅޭގޮތުން ހިންގާ އަމަލުތަކާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތައް ހަދާނީ، ތިމާވެށްޓާބެހޭ ވުޒާރާއިންނެވެ.
- ކުއްޔަށްދޭ ތަންތަނާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތައް ހަދާނީ، ގޯތިގެދޮރާއި މީހުންއުޅޭ ތަންތަނާބެހޭ ސަރުކާރުގެ ވުޒާރާއިންނެވެ.
- މަތީގައި ބަޔާންކޮށްފައިވާ ކަންކަން ފިޔަވައި އެހެން ކަންކަމާ ގުޅޭގޮތުން ގަވާއިދު ހަދާނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިންނެވެ.
(ށ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް، މި ގާނޫނު ފާސްވާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހަދައި، އާންމުކޮށް އިއުލާނުކުރަންވާނެއެވެ.
47 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން
(ހ) މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓްގައި ށާއިއުކުރާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައެވެ.
(ށ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި، އާންމުކޮށް އިއުލާނުކުރާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، މި ގާނޫނު ހިންގަން ފެށުމަށްޓަކައި ހަމަޖައްސަންޖެހޭ އެންމެހައި އިންތިޒާމުތައް، ކަމާބެހޭ އިދާރާތަކުން ހަމަޖައްސަންވާނެއެވެ.
48 ވަނަ މާއްދާ – މާނަކުރުން
(ހ) މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކާ ގުޅިގެން ތިރީގައި ދީފައިވާ މާނަކުރުމެވެ.
- "އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލު" ކަމަށް ބުނެފައި އެވަނީ، މީހަކު ނުވަތަ އެކަކަށްވުރެ ގިނަ ބަޔަކު ކުރާ އަމަލެއް ނުވަތަ އަމަލުތަކެއްގެ ސަބަބުން، މުޖްތަމައުގެ ފަރުދުންގެ ހިތްތަކުގައި ބިރާއި ނުތަނަވަސްކަމާއި ހާސްކަން އުފައްދާ ކޮންމެ އަމަލަކަށެވެ.
- "ބެލެނިވެރިއެއް" ކަމަށް ބުނެފައި އެވަނީ، ކުޑަކުއްޖެއްގެ މަންމަ ނުވަތަ ބައްޕަ ނުވަތަ އެ ކުއްޖާގެ ބަލަދުވެރިން ހިމެނޭ ގޮތަށެވެ.
- "އާންމުން ވަދެނިކުމެވާ ތަނެއް" ކަމުގައި ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ރަށްރަށުގެ އެންމެހައި މަގުމަގާއި ގޯޅި ގޯޅިއާއި، ފީއެއް ނަގައިގެން ނުވަތަ ފީއެއް ނެގުމަކާ ނުލައި، އެ ވަގުތެއްގައި އާންމުންނަށް ނުވަތަ އާންމުންގެ ބަޔަކަށް ވަނުމުގެ ހުއްދަ ކަނޑައެޅިގެން ލިބިފައިވާ ނުވަތަ ލިބިފައިވާ ކަމަށް ބެލެވޭ އެންމެހައި ތަންތަނާއި، އުޅަނދުފަހަރާއި އެއްޗެއްސަށެވެ.
- "ބިރުދެއްކުން" ކަމަށް ބުނެފައި އެވަނީ، އަނގަބަހުން ވިޔަސް، ލިޔުމުން ވިޔަސް، އަދި ކުރާ އަމަލެއްގެ ސަބަބުންވިޔަސް ބިރުދައްކާ ކަމުގެ އިހުސާސް އަނެކާއަށް ލިބިދެވޭނެ ކަމުގައި ބެލެވޭ ކޮންމެ އަމަލެއް ހިމެނޭގޮތުންނެވެ.
- "ގަޔަށް އަތްލުން" ކަމަށް ބުނެފައި އެވަނީ، މީހެއްގެ ހަށިގަނޑުގައި މީހެއްގެ ގުނަވަނަކުން ނުވަތަ އެއްޗެއް މެދުވެރިކޮށް ބީހުމަށެވެ.
- "ޒިންމާދާރު މީހެއް" ކަމަށް ބުނެފައި އެވަނީ، ކުޑަކުއްޖެއްގެ ބެލެނިވެރިއެއް ނުވަތަ ބަލަދުވެރިއެއް ނުވަތަ އެ ކުއްޖަކާ ޒިންމާވާނެ އެނޫންވެސް ފަރާތަކަށެވެ.
- "ކަމާބެހޭ އިދާރާ" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކުރާ ފަރާތްތަކުގެ ތެރެއިން އެތަނަކުން މި ގާނޫނުގެ ދަށުން އަމަލުކުރުމަށް ހުއްދަކޮށްފައިވާ، އެތަނެއްގެ މުވައްޒަފަކަށެވެ.
- "ހުއްދައަކާއި ނުލައި ގޯތިގެދޮރަށް ވަނުން" ކަމަށް ބުނެފައި އެވަނީ، މީހަކު ނުވަތަ ބަޔަކު ދިރިއުޅޭ ތަނެއްނަމަ އެތަނެއްގެ ވެރިފަރާތް ނުވަތަ ދިރިއުޅޭ ފަރާތް ނުވަތަ އެތަނަކާ ހަވާލުވެހުރި ފަރާތުގެ ހުއްދައަކާ ނުލައި، އެތަނަކަށް ވަނުން އަދި ދައުލަތުގެ އިދާރާއެއް ނުވަތަ އާންމު ފަރާތެއްގެ އިދާރާއެއްގައި އާންމުން ވަދެ ނުކުތުމަށް ކަނޑައެޅިފައިވާ އުސޫލާ ހިލާފަށް ހުއްދާއަކާ ނުލައި އެތަނަކަށް ވަނުމަށެވެ.
- "ތިމާވެށްޓާބެހޭ ވުޒާރާ" ކަމަށް ބުނެފައި އެވަނީ، ތިމާވެށްޓާބެހޭ ކަންތައްތައް ހިންގުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަކަށެވެ.
- "ގޯތިގެދޮރާއި މީހުންއުޅޭ ތަންތަނާބެހޭ ވުޒާރާ" ކަމަށް ބުނެފައި އެވަނީ، ގޯތިގެދޮރާއި މީހުންއުޅޭ ތަންތަނާގުޅޭ ކަންތައްތައް ހިންގުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަކަށެވެ.
- "ލޯކަލް ކައުންސިލްތައް" ކަމަށް ބުނެފައި އެވަނީ، ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކަށެވެ.
(ށ) މި ގާނޫނުގައި މުފްރަދުކޮށް ގެނެސްފައިވާ ލަފުޒުތައް އެލަފުޒުތަކުގެ ޖަމްއު މާނައިގައިވެސް ބޭނުންކުރެވޭނެއެވެ. އަދި ޖަމްއުކޮށް ގެނެސްފައިވާ ލަފުޒުތައް، އެލަފުޒުތަކުގެ މުފްރަދު މާނައިގައި ބޭނުންކުރެވޭނެއެވެ
މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު
ރިފަރެންސް
14 ޖުލައި 2010 ވި ބުދަދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 18 ވަނަ ޖަލްސާއިން ފާސްކުޅަ "އާންމު އިޖްތިމާޢީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ބިލު" ބަލައި، ތަޞްދީޤުކޮށްފައިވަނީ 3 އޯގަސްޓް 2010 (22 ށައްބާން 1431) ގައެވެ.
ކިޔުންތެރިންގެ ހިޔާލު