އިންތިހާބުތަކާބެހޭ އާންމު ގާނޫނު
(ގާނޫނު ނަންބަރު 2008-11)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މި ގާނޫނަކީ، ގާނޫނުއަސާސީއާއި ގާނޫނުތަކުގެ ދަށުން އިލެކްށަންސް ކޮމިށަނުން ހިންގައި ބަލަހައްޓަންޖެހޭ އެންމެހައި އިންތިހާބުތަކާބެހޭ އާންމު އުސޫލުތަކާއި ކަންކަން ކަނޑައަޅައި ބަޔާންކުރާ ގާނޫނެވެ.
(ށ) މި ގާނޫނަށް ކިޔާނީ "އިންތިހާބުތަކާބެހޭ އާންމު ގާނޫނު" އެވެ.
2 ވަނަ މާއްދާ – މަގުސަދު
މި ގާނޫނުގެ މަގްސަދަކީ ދިވެހިރާއްޖޭގައި ބާއްވާ އިންތިހާބުތަކަކީ ދީމިގްރާތީ އަސާސްތަކުގެ މައްޗަށް ބިނާކޮށް ސީދާ ރައްޔިތުންގެ ބައިވެރިވުން އޮންނަ، މިނިވަން، އިންސާފުވެރި، ހާމަކަން ބޮޑު އަދި އިތުބާރުކުރުވަނިވި ގޮތުގެމަތިން ބާއްވާ އިންތިހާބުތަކެއްކަން ޔަގީންކުރުމަށްޓަކައި، އެފަދަ އުސޫލުތަކުގެ މައްޗަށް ބިނާކޮށް ގާނޫނީ އޮނިގަނޑެއް ގާއިމުކުރުމެވެ.
3 ވަނަ މާއްދާ - އާންމު އުސޫލުތަކާއި އާންމު ކަންކަން
އިންތިހާބުތަކާބެހޭ އާންމު އުސޫލުތައް ކަނޑައަޅާނީ އެ އިންތިހާބަކާ ބެހޭ ހާއްސަ ގާނޫނެއްގައި އެހެންގޮތަކަށް ކަނޑައަޅާފައި ނުވާހާހިނދަކު މި ގާނޫނުންނެވެ. އަދި އެ އިންތިހާބަކާ ބެހޭ އާންމު ކަންތައްތައް ކުރަމުން ގެންދަންވާނީ އެ އިންތިހާބަކާބެހޭ ހާއްސަ ގާނޫނެއްގައި އެހެންގޮތަކަށް ކަނޑައަޅާފައި ނުވާހާހިނދަކު މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
4 ވަނަ މާއްދާ - ހިންގައި ބެލެހެއްޓުން
އިންތިހާބުތައް ބާއްވައި، އެ އިންތިހާބުތަކާބެހޭ ހުރިހާކަމެއް ހިންގައި ބަލަހައްޓާނީ އިލެކްށަންސް ކޮމިށަނުންނެވެ.
ވޯޓު ދިނުމުގެ ހައްގު
5 ވަނަ މާއްދާ - ވޯޓު ދިނުމުގެ ހައްގު
(ހ) މި މާއްދާގެ (ށ) ގައި ބުނެފައިވާ މީހުން ފިޔަވައި، އުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް، މި ގާނޫނު، އެ އިންތިހާބުތަކެއްގެ މައްޗަށް ހިންގޭ އެންމެހައި އިންތިހާބުތަކުގައި ވޯޓުދިނުމުގެ ހައްގު ލިބިގެންވެއެވެ.
(ށ) ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 5 އަހަރަށްވުރެ (ފަސް އަހަރަށްވުރެ) ދިގުމުއްދަތަކަށް ޖަލަށް ލުމަށް ހުކުމްކޮށް އެ ހުކުމް ތަންފީޒުކުރެވެމުންދާ މީހުން އިންތިހާބުތަކުގައި ވޯޓުދިނުމުން އިސްތިސްނާވާނެއެވެ.
6 ވަނަ މާއްދާ - އެއް ފަހަރަށްވުރެ ގިނަ ފަހަރު ވޯޓު ނުދިނުން
އިންތިހާބެއްގައި އެއް ފަހަރު ވޯޓު ދީފައިވާ މީހަކު ވޯޓު ދިނުމުގެ އެބުރުގައި އިތުރު ފަހަރަކު ވޯޓު ދީގެނެއްނުވާނެއެވެ.
7 ވަނަ މާއްދާ - ސިއްރު ވޯޓު
އިންތިހާބުތަކުގައި ނަގަންވާނީ ސިއްރު ވޯޓެވެ.
ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ
8 ވަނަ މާއްދާ - ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ
(ހ) އިންތިހާބުތަކުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުން އެނގޭނެފަދަ ރަޖިސްޓަރީއެއް އިލެކްށަންސް ކޮމިށަނުން ތައްޔާރުކޮށް ބަލަހައްޓަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ރަޖިސްޓަރީއަށް ކިޔާނީ "ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ" އެވެ.
(ނ) ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ އަންނަނިވި މައުލޫމާތު ހިމަނާފައި އޮންނަންވާނެއެވެ.
- ފުރިހަމަ ނަން
- އުފަން ތާރީހް
- ޖިންސް
- ދާއިމީ އެޑްރެސް (އަތޮޅާއި ރަށާއި އެޑްރެސް އެނގޭގޮތަށް)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުގެ ތެރެއިން މައުލޫމާތެއް ލިބެން ނެތްނަމަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތެއްގެމަތިން އެ މައުލޫމާތަކާ ގުޅޭގޮތުން އަމަލުކުރުމުގެ އިހްތިޔާރު އިލެކްށަންސް ކޮމިށަނަށް ލިބިގެންވެއެވެ.
(ބ) ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުގެ އިތުރުން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބުނެފައިވާ އެހެނިހެން މައުލޫމާތު ހިމެނުމުގެ އިހްތިޔާރު އިލެކްށަންސް ކޮމިށަނަށް ލިބިގެންވެއެވެ.
(ޅ) ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި ހިމެނުމަށްޓަކައި ނުވަތަ އެ ރަޖިސްޓަރީ އެކުލަވާލުމަށްޓަކައި މި މާއްދާގެ (ނ) އާއިމި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބުނެފައިވާ މައުލޫމާތު ހޯދުމުގެ ބާރާއި އިހްތިޔާރު އިލެކްށަންސް ކޮމިށަނަށް ލިބިގެންވެއެވެ. އަދި މިގޮތުން އިލެކްށަންސް ކޮމިށަނަށް ބޭނުންވާ މައުލޫމާތު ދިނުމަކީ އެކަމަށް އެދި އިލެކްށަންސް ކޮމިށަނުން އަންގާ ފަރާތްތަކަށް ލާޒިމުވެގެންވާ ކަމެކެވެ.
9 ވަނަ މާއްދާ - ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އާންމުކުރުން
(ހ) އިންތިހާބެއް ބޭއްވުމުގެ މަދުވެގެން 45 ދުވަސް (ސާޅީސް ފަސް ދުވަސް) ކުރިން ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އެންމެފަހުގެ މައުލޫމާތާއެކު ފުރިހަމަކުރުމަށްފަހު ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައިވާ މީހުންގެ ނަމާއި، ޖިންސާއި، ދާއިމީ އެޑްރެސް އެނގޭނެގޮތަށް އިލެކްށަންސް ކޮމިށަނުން ސަރުކާރުގެ ގެޒެޓްގައި ށާއިއުކުރަންވާނެއެވެ. އަދި އިލެކްށަންސް ކޮމިށަންގެ ވެބްސައިޓުގައިވެސް އެ މައުލޫމާތު ށާއިއުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެމަތިން ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ސަރުކާރުގެ ގެޒެޓްގައި ށާއިއުކުރާ ދުވަހު، އެރަށެއްގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާންމުކޮށް ފެންނަގޮތަށް އިލެކްށަންސް ކޮމިށަނުން ބަހައްޓަންވާނެއެވެ. އަދި އެ އިންތިހާބެއްގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ ހުރިހާ މީހުންގެ ރަޖިސްޓަރީ، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެކަމަށް އެދޭ ކޮންމެ ފަރާތަކަށް ބެލޭނެ އިންތިޒާމު އިލެކްށަންސް ކޮމިށަނުން ހަމަޖައްސަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބުނެފައިވާ ގޮތުގެމަތިން ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ ބެހެއްޓިފައިވާ ތަންތަން އިލެކްށަންސް ކޮމިށަނުން އާންމުކޮށް އިއުލާންކުރަންވާނެއެވެ.
10 ވަނަ މާއްދާ - ރަޖިސްޓަރީގައިވާ މައުލޫމާތާމެދު ށަކުވާ އުފުލުމާއި ރަޖިސްޓަރީއަށް ބަދަލު ގެނައުން
(ހ) މި ގާނޫނުގެ 9 ވަނަ މާއްދާގެ ދަށުން އާންމުކުރެވޭ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި ހިމެނިފައިވާ ނުވަތަ ހިމެނިފައިނުވާ މައުލޫމާތަކާ ގުޅޭގޮތުން، ނުވަތަ އެ ރަޖިސްޓަރީ ސައްހަ ކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލަކާ ނުވަތަ އުނިއިތުރަކާގުޅޭ ގޮތުން ށަކުވާ އުފުލުމުގެ އިހްތިޔާރު އުމުރުން އަށާރަ އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށާއި ސިޔާސީ ޕާޓީތަކަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެމަތިން ށަކުވާއެއް އުފުލަން ބޭނުންވާނަމަ އެ ށަކުވާއެއް މި ގާނޫނުގެ 9 ވަނަ މާއްދާގެ (ހ) ގެ ދަށުން ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ސަރުކާރުގެ ގެޒެޓްގައި ށާއިއުކުރާ ދުވަހުން ފެށިގެން ގިނަވެގެން 10 ދުވަހުގެ (ދިހަ ދުވަހުގެ) ތެރޭގައި ލިޔުމުން އިލެކްށަންސް ކޮމިށަނަށް ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބުނެފައިވާ 10 ދުވަސް (ދިހަ ދުވަސް) ހަމަވާ ތާރީހުން ފެށިގެން ގިނަވެގެން 5 ދުވަހުގެ (ފަސް ދުވަހުގެ) ތެރޭގައި އެ މާއްދާގެ ދަށުން އިލެކްށަންސް ކޮމިށަނަށް ލިބޭ ށަކުވާތައް އެ ކޮމިށަނުން ބަލައި އެ ށަކުވާތަކާމެދު ގޮތެއް ކަނޑައަޅަންޖެހޭނެއެވެ. އަދި މިގޮތުން އެ ކޮމިށަނުން ނިންމާ ނިންމުން މި މުއްދަތުގެ ތެރޭގައި އެ ށަކުވާއެއް ހުށަހެޅި ފަރާތަކަށް ސަބަބާއެކު އަންގަންވެސްވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭ ފަރާތަކުން، ކޮމިށަނުން
އެ މައްސަލައަކާމެދު ނިންމިނިންމުން ށަކުވާ ހުށަހެޅި ފަރާތަށް އަންގާތާ ގިނަވެގެން 5 ދުވަހުގެ (ފަސް ދުވަހުގެ) ތެރޭގައި އެ މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުގެ އިހްތިޔާރު އެފަރާތަކަށް ލިބިގެންވެއެވެ. އަދި މިގޮތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާ މައްސަލައަކާމެދު އެ މައްސަލައެއް ހުށަހަޅާތާ ގިނަވެގެން 15 ދުވަހުގެ (ފަނަރަ ދުވަހުގެ) ތެރޭގައި އެ ކޯޓުގެ ހުކުމް އިއްވަންވާނެއެވެ.
(ބ) މި ގާނޫނުގެ 9 ވަނަ މާއްދާގެ ދަށުން އާންމުކުރެވޭ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެއްވެސް ބަދަލެއް ގެނެވޭނަމަ އެ ރަޖިސްޓަރީއަށް އެބަދަލެއް ގެނެސް އެކަން ސަރުކާރުގެ ގެޒެޓްގައި ށާއިއުކުރަންވާނެއެވެ. އަދި އެބަދަލު ގެނެވުމާއެކު މި ގާނޫނުގެ 9 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އާންމުކޮށް ބެލޭނެގޮތަށް ބަހައްޓާފައިވާ އެ ރަޖިސްޓަރީގެ ކޮޕީތަކަށްވެސް އެބަދަލުތައް ގެންނަންވާނެއެވެ. އަދި މިގޮތުން ގެންނަ ބަދަލަކާމެދު މި މާއްދާގެ (ށ) ، (ނ) އަދި (ރ) ގައި ބަޔާންކޮށްފައިވާ އުސޫލުގެ މަތިން ށަކުވާ އުފުލުމުގެ އިހްތިޔާރު އުމުރުން އަށާރަ އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށާއި ސިޔާސީ ޕާޓީތަކަށް ލިބިގެންވެއެވެ.
11 ވަނަ މާއްދާ - ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އާންމުކޮށް ދޫކުރުމާއި އެ ރަޖިސްޓަރީގައިވާ މައުލޫމާތު ބޭނުންކުރުން
(ހ) މި ގާނޫނުގެ 9 ވަނަ މާއްދާގެ (ހ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން އެ އިންތިހާބަކާ ގުޅޭގޮތުން ށާއިއުކުރާ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގެ ކޮޕީއެއް ހޯދުމަށް، އިންތިހާބެއްގައި ވާދަކުރާ ކެންޑިޑޭޓުންނާއި، އެ ކެންޑިޓޭޓުންގެ ރަސްމީ އިންތިހާބީ އެޖެންޓުންނާއި، ސިޔާސީ ޕާޓީތަކުންކުރެ ފަރާތަކުން އެދިއްޖެނަމަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން
އެ ރަޖިސްޓަރީގެ ކޮޕީއެއް އިލެކްށަންސް ކޮމިށަނުން އެފަރާތަކަށް ދޫކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުންނާއި މި ގާނޫނުގެ 9 ވަނަ މާއްދާގެ (ހ) ގެ ދަށުން، އިލެކްށަންސް ކޮމިށަނުން އެ އިންތިހާބަކާ ގުޅޭގޮތުން ށާއިއުކުރާ ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ނުވަތަ އެ ރަޖިސްޓަރީގައިވާ މައުލޫމާތު ބޭނުންކުރަންވާނީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ ހިލާފުނުވާ ގޮތެއްގެމަތިންނެވެ. އަދި އެ މައުލޫމާތު އިންތިހާބުގެ ބޭނުންތަކަށް މެނުވީ ބޭނުންކުރުމަކީ މަނާކަމެކެވެ. ހާއްސަ ގޮތެއްގައި އެ މައުލޫމާތު ވިޔަފާރީގެ ބޭނުމަކަށްޓަކައި ނުވަތަ މާލީ ފައިދާއެއް ހޯދުމަށްޓަކައި ބޭނުންކުރުމަކީ މަނާކަމެކެވެ.
12 ވަނަ މާއްދާ - އެހެން ތަނެއްގައި ދިރިއުޅޭ މީހުން ވޯޓު ދިނުމަށްޓަކައި އެމީހަކު ދިރިއުޅޭ ތަނެއް ކޮމިށަނަށް އެންގުން
(ހ) އިންތިހާބެއްގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހެއް، ވޯޓުލުން އޮންނަ ދުވަހު ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި އެމީހެއްގެ ދާއިމީ އެޑްރެސްކަމަށް ބަޔާންކޮށްފައިވާ ރަށުގައި އެމީހަކު ނޫޅޭނެކަމުގައިވަނީނަމަ، އަދި އެ އިންތިހާބުގައި އެމީހަކު ވޯޓު ދޭން ބޭނުންނަމަ، ވޯޓުލުން އޮންނަ ދުވަހު އޭނާ ހުންނާނެ ތަނެއް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އިލެކްށަންސް ކޮމިށަނަށް އަންގަންވާނެއެވެ.
(ށ) މި ގާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގައި އިސްތިސްނާކުރެވިފައިވާ މީހުން ފިޔަވައި، ޖިނާއީކުށުގެ ހުކުމް ތަންފީޒުކުރެވެމުންދާ މީހުންނާބެހޭ މައުލޫމާތު މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ހުކުމް ތަންފީޒުކުރާ މީހުންގެ ކަންތައްތައް ބެލެހެއްޓުމަށް ހަވާލުކުރެވިފައިވާ މުއައްސަސާއިން އިލެކްށަންސް ކޮމިށަނަށް އަންގަންވާނެއެވެ.
އިންތިހާބު އިއުލާންކުރުން
13 ވަނަ މާއްދާ - އިންތިހާބު ބާއްވާކަން އިއުލާންކުރުން
(ހ) އިންތިހާބެއް ބާއްވާކަން އެ އިންތިހާބަކާބެހޭ ހާއްސަ ގާނޫނުގައިވާ ގޮތުގެ މަތިން އިލެކްށަންސް ކޮމިށަނުން އާންމުކޮށް އަންގައި އިއުލާން ކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން ކުރާ އިއުލާންގައި އެ އިންތިހާބަކާ ގުޅޭގޮތުން އަންނަނިވި މައުލޫމާތު ހިމަނަންޖެހޭނެއެވެ.
- އެއީ ކޮން އިންތިހާބެއް ކަމާއި، އެ އިންތިހާބަކާބެހޭ އިތުރު މައުލޫމާތު.
- އިންތިހާބަށް ކުރިމަތިލުމަށް ދެވޭ މުއްދަތު.
- އިންތިހާބަށް ކުރިމަތިލާ މީހުންގައި ފުރިހަމަވާންޖެހޭ ށަރުތުތައް.
- އިންތިހާބަށް ކުރިމަތިލާ މީހުން ހުށަހަޅަންޖެހޭ މައުލޫމާތުތަކާއި ތަކެތީގެ ތަފްސީލު.
- އިންތިހާބަށް ކުރިމަތިލާ މީހުން ހުށަހަޅަންޖެހޭ މައުލޫމާތުތަކާއި ތަކެތި ހުށަހަޅަންޖެހޭ ތަނާއި، ތާރީހާއި ވަގުތު.
- ވޯޓުނެގުން ބާއްވާ ތާރީހާއި، ވޯޓު ނަގާ ގަޑިއާއި، އާންމު އުސޫލެއްގެ ގޮތުން ވޯޓުނަގައި ނިންމާ ގަޑިއާއި، ވޯޓު ގުނަން ފަށާ ގަޑި.
- ވޯޓުގެ ރަސްމީ ނަތީޖާ އިއުލާންކުރުމަށް ކަނޑައަޅާފައިވާ ތާރީހާއި ވަގުތު.
- އެ އިންތިހާބަކާބެހޭ ހާއްސަ ގާނޫނާއި ގަވާއިދުގައި ބުނެފައިވާ އިތުރު މައުލޫމާތާއި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބުނެފައިވާ އިތުރު މައުލޫމާތު.
14 ވަނަ މާއްދާ - އިންތިހާބަށް ކުރިމަތިލިކަން އިއުލާންކުރުން
(ހ) އިންތިހާބަށް ކުރިމަތިލާން ދީފައިވާ މުއްދަތު ހަމަވާ ތާރީހުން ފެށިގެން ގިނަވެގެން 14 (ސާދަ) ދުވަހުގެތެރޭގައި، އެ އިންތިހާބަކަށް ކުރިމަތިލި ކެންޑިޑޭޓުންގެ ތަފްސީލު އެންގުމަށްޓަކައި، އަންނަނިވި މައުލޫމާތު އިލެކްށަންސް ކޮމިށަނުން އާންމުކޮށް އިއުލާންކޮށް، އެ އިއުލާން އިލެކްށަންސް ކޮމިށަންގެ އޮފީހުގައި ބަހައްޓައި، އަދި އެ ކޮމިށަނުގެ ވެބްސައިޓުގައި ށާއިއުކުރަންވާނެއެވެ. އަދި ކޮންމެ އިންތިހާބީ ދާއިރާއަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނާ ބެހޭގޮތުން ކޮށްފައިވާ އިއުލާން އެ އިންތިހާބީ ދާއިރާއެއްގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފަސޭހައިން މީހުންނަށް ބެލޭނެގޮތަށް، އިލެކްށަންސް ކޮމިށަނުން ބަހައްޓަންވާނެއެވެ.
- ކެންޑިޑޭޓުންގެ ނަންތައް. މިގޮތުން އިންތިހާބަށް ކުރިމަތިލުމަށް ހުށަހަޅާފައިވާ މައުލޫމާތުގައިވާ ގޮތުގެމަތިން ކެންޑިޑޭޓުގެ ނަމާއެކު އެ ކެންޑިޑޭޓެއްގެ އަންނަނިވި މައުލޫމާތުތައްވެސް ހިމަނަންވާނެއެވެ.
(ހ) ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް.
(ށ) ސިޔާސީ ޕާޓީއެއްގެ ފަރާތުން ކުރިމަތިލާނަމައެ ކެންޑިޑޭޓެއް ތަމްސީލުކުރާ ސިޔާސީ ޕާޓީގެ ނަން.
(ނ) އަމިއްލަ ގޮތުން ކުރިމަތިލާ ކެންޑިޑޭޓެއްނަމަ އެކަން.
(ރ) އެ ކެންޑިޑޭޓަކު އިންތިހާބުގައި ހާއްސަ ނިށާނެއް ބޭނުންކުރާނަމަ އެ ނިށާން.
(ބ) އެ ކެންޑިޑޭޓެއްގެ ރަސްމީ އިންތިހާބީ އޭޖެންޓުގެ ނަމާއި، ދާއިމީ އެޑްރެސް.
(ޅ) އެ ކެންޑިޑޭޓަކަށް ފޮނުވަންޖެހޭ ލިޔެކިއުމާއި އެންގުންތައް ފޮނުވާނެ ރަސްމީ އެޑްރެސް.
(ޅ) ވޯޓުލުން އޮންނާނެ ރަށްރަށާއި، ވޯޓުފޮށިތައް ބަހައްޓާފައި ހުންނާނެ ތަންތަނުގެ އެޑްރެސް.
(ށ) މި މާއްދާގެ (ހ) ގެ (1) ގެ ދަށުން ކެންޑިޑޭޓުންގެ ނަންތައް އިއުލާންކުރާއިރު، ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރާނީ، އިންތިހާބަށް ކުރިމަތިލުމުގެ ށަރުތު ފުރިހަމަވާ މީހުންގެ މެދުގައި ގުރުއަތުލައިގެންނެވެ. މިގޮތުން ނަގާ ގުރުއަތުލުން ބާއްވަންވާނީ އިލެކްށަންސް ކޮމިށަނުން އެކުލަވާލާ ގަވާއިދާއެއްގޮތްވާ ގޮތުގެމަތިން، އިންތިހާބަށް ކުރިމަތިލި މީހުން ނުވަތަ އެމީހުންގެ މަންދޫބުންގެ ހާޒިރުގައެވެ. އަދި އިންތިހާބަށް ކުރިމަތިލި މީހަކު ނުވަތަ އެމީހެއްގެ މަންދޫބެއް ހާޒިރުނުވެއްޖެނަމަ އިލެކްށަންސް ކޮމިށަނުން އައްޔަންކުރާ މަންދޫބެއްގެ ހާޒިރުގައި ގުރުއަތުލުމުގެ އިހްތިޔާރު އިލެކްށަންސް ކޮމިށަނަށް ލިބިގެންވެއެވެ.
ކެންޑިޑޭޓުން
15 ވަނަ މާއްދާ - ކުރިމަތިލާ މީހުންގައި ހުންނަންޖެހޭ ށަރުތުތައް
(ހ) އިންތިހާބަކަށް ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ށަރުތުތަކެއް ގާނޫނުއަސާސީގައި ނުވަތަ ގާނޫނެއްގައި ކަނޑައަޅާފައިވާނަމަ އެ އިންތިހާބަކަށް ކުރިމަތިލާ ކޮންމެ މީހެއްގެ ކިބައިގައި އެ ށަރުތުތައް ފުރިހަމަވާންޖެހޭނެއެވެ.
(ށ) އިންތިހާބަށް ކުރިމަތިލުމަށް އިލެކްށަންސް ކޮމިށަނުން ހުޅުވާލުމުން، އެކަމަށް ކުރިމަތިލުމަށް ބޭނުންވާ މީހުންގެ ތެރެއިން އެކަމަށް ށަރުތު ފުރިހަމަވާ މީހަކު ދައުލަތުގެ ބެލުމުގެ ދަށުގައިވާނަމަ، އެމީހަކު އެ އިންތިހާބަށް ކުރިމަތިލުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް، އެމީހަކު ބަލަހައްޓަމުންގެންދާ ދައުލަތުގެ އެ މުއައްސަސާއަކުން މަގު ތަނަވަސްކޮށްދޭންވާނެއެވެ.
16 ވަނަ މާއްދާ - އިންތިހާބަށް ކުރިމަތިލުމަށް އެދި ހުށަހެޅުން
(ހ) މި ގާނޫނުގެ 13 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން އިންތިހާބަށް ކުރިމަތިލުމަށް އިލެކްށަންސް ކޮމިށަނުން އިއުލާންކުރުމުން، އެ އިއުލާންގައިވާ ގޮތުގެމަތިން، އެ އިންތިހާބަށް ކުރިމަތިލުމަށް އެދޭމީހުން އެކަމަށް އެދި، އިލެކްށަންސް ކޮމިށަނަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އިންތިހާބަށް ކުރިމަތިލުމަށް އެދޭމީހާ، އިންތިހާބަށް ކުރިމަތިލުމަށް އެދޭ އިރު، ތިރީގައި ބުނެފައިމިވާ މައުލޫމާތު ހުށަހަޅަންވާނެއެވެ.
- ފުރިހަމަ ނަން.
- އުފަން ތާރީހް.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު.
- ދާއިމީ އެޑްރެސް (އަތޮޅާއި ރަށާއި އެޑްރެސް އެނގޭގޮތަށް) .
- މިހާރު ދިރިއުޅޭ އެޑްރެސް (އަތޮޅާއި ރަށާއި އެޑްރެސް އެނގޭގޮތަށް) .
- ވޭތުވެދިޔަ ފަސް އަހަރުދުވަހުގެތެރޭގައި ދައުލަތުގެ އެއްވެސް ވަޒީފާއެއް އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި ތަންތަނުގެ ނަމާއި މަގާމުތަކުގެ ނަން.
- އިލެކްށަންސް ކޮމިށަނުން އިންތިހާބަށް ކުރިމަތިލުމަށް އެދޭމީހާއަށް ފޮނުވަންޖެހޭ ލިޔެކިއުމާއި އެންގުންތައް ފޮނުވާނެ ރަސްމީ އެޑްރެސް (ގުޅޭނެ ފޯނު ނަންބަރާއެކު) .
- ސިޔާސީ ޕާޓީއެއްގެ ފަރާތުން ކުރިމަތިލާނަމަ އެމީހަކު ތަމްސީލު ކުރާ ސިޔާސީ ޕާޓީގެ ނަން.
- އެމީހެއްގެ ރަސްމީ އިންތިހާބީ އޭޖެންޓްގެ ނަމާއި ދާއިމީ އެޑްރެސް.
- އެ އިންތިހާބަކާބެހޭ ހާއްސަ ގާނޫނާއި ގަވާއިދުގައި ބުނެފައިވާ އިތުރު މައުލޫމާތު. މި މައުލޫމާތަކީ ކޮބައިކަން މި ގާނޫނުގެ 13 ވަނަ މާއްދާގެ (ށ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން ކުރާ އިއުލާނުގައި ތަފްސީލުކޮށް ބަޔާންކޮށްފައި އޮންނަންވާނެއެވެ.
17 ވަނަ މާއްދާ - އިންތިހާބަށް ކުރިމަތިލުމަށް ފޮނުވާ މައުލޫމާތާއެކު ހުށަހަޅަންޖެހޭ ތަކެތި
މި ގާނޫނުގެ 16 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިންތިހާބަށް ކުރިމަތިލުމަށް އެދޭމީހާ ހުށަހަޅާ މައުލޫމާތާއެކު ތިރީގައި ބުނެފައިމިވާ ތަކެތި އިލެކްށަންސް ކޮމިށަނަށް ހުށަހަޅަންވާނެއެވެ.
- އިންތިހާބަކާބެހޭ ހާއްސަ ގާނޫނުގައި ކަނޑައަޅާފައިވާ ޑިޕޮޒިޓް ފައިސާ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް.
- ސިޔާސީ ޕާޓީއެއްގެ ފަރާތުން ކުރިމަތިލާނަމަ އެމީހަކު ތަމްސީލުކުރާ ސިޔާސީ ޕާޓީން އެކަން ކަށަވަރުކޮށްދޭ އެ ސިޔާސީ ޕާޓީގެ ގަރާރު.
- އަމިއްލަ ގޮތުން ކުރިމަތިލާ މީހެއްނަމަ އެކަން ބަޔާންކޮށް އެ މީހާ ހުށަހަޅާ އިގްރާރު.
- އެމީހެއްގެ ރަސްމީ އިންތިހާބީ އޭޖެންޓްގެ ގޮތުގައި ހުށަހަޅާފައިވާ މީހާ އެކަން ގަބޫލުކޮށްފައިވާކަމުގެ އިގްރާރު.
- އެމީހަކު އެ އިންތިހާބުގައި ހާއްސަ ނިށާނެއް ބޭނުންކުރުމަށް ގަސްދުކުރާނަމަ އެ ނިށާން.
- އެ އިންތިހާބަކާބެހޭ ހާއްސަ ގާނޫނާއި ގަވާއިދުގައި ބުނެފައިވާ އިތުރުތަކެތި. މިތަކެއްޗަކީ ކޮބައިކަން މި ގާނޫނުގެ 13 ވަނަ މާއްދާގެ (ށ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން ކުރާ އިއުލާނުގައި ތަފްސީލްކޮށް ބަޔާންކޮށްފައި އޮންނަންވާނެއެވެ.
18 ވަނަ މާއްދާ - ސައްހަ މައުލޫމާތާއި ތަކެތިކަމަށް އިގްރާރުވުން
އިންތިހާބަށް ކުރިމަތިލުމަށް އެދޭމީހާ، އެމީހާ އިންތިހާބަށް ކުރިމަތިލާކަން ޔަގީންކޮށްދިނުމުގެ ގޮތުންނާއި، މި ގާނޫނުގެ 16 ވަނަ މާއްދާއާއި 17 ވަނަ މާއްދާގެ ދަށުން އިލެކްށަންސް ކޮމިށަނަށް ހުށަހަޅަންޖެހޭ މައުލޫމާތާއި ތަކެއްޗަކީ ސައްހަ މައުލޫމާތާއި ތަކެތިކަމަށް އިގްރާރުވެ، އެ އިގްރާރު މި ގާނޫނުގެ 16 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ މައުލޫމާތާއެކު އެމީހަކު އިލެކްށަންސް ކޮމިށަނަށް ހުށަހަޅަންވާނެއެވެ.
19 ވަނަ މާއްދާ – ޑިޕޮޒިޓް
(ހ) އިންތިހާބަށް ކުރިމަތިލުމަށް އެދޭމީހާ މި ގާނޫނުގެ 17 ވަނަ މާއްދާގެ (1) ވަނަ ނަންބަރުގެ ދަށުން އިލެކްށަންސް ކޮމިށަނަށް ދައްކަންޖެހޭ ޑިޕޮޒިޓް ފައިސާ ދެއްކުމުން، އެޑިޕޮޒިޓް ފައިސާ އިލެކްށަންސް ކޮމިށަނަށް ލިބުނުކަމުގެ ރަސީދެއް އެމީހަކަށް ދޫކުރަންވާނެއެވެ.
(ށ) މި ގާނޫނުގެ 21 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިންތިހާބަށް ކުރިމަތިލާން އެދޭ މީހާގެ ނަން އިލެކްށަންސް ކޮމިށަނުން ބަލައި ނުގެންފިނަމަ، ގިނަވެގެން 5 ދުވަހުގެ (ފަސް ދުވަހުގެ) ތެރޭގައި، މި މާއްދާގެ (ހ) ގައި ބުނެފައިވާ ޑިޕޮޒިޓް ފައިސާ އިލެކްށަންސް ކޮމިށަނުން އެމީހަކަށް އަނބުރާ ދޭންވާނެއެވެ.
(ނ) އިންތިހާބުގައި އެ ދާއިރާއެއްގައި ވޯޓުދިން މީހުންގެ %10 (ދިހައެއް އިންސައްތަ) އިން ފެށިގެން މަތީ އަދަދަކަށް ވޯޓު ލިބުނު މީހުންނަށް، އެ އިންތިހާބެއްގެ ރަސްމީ ނަތީޖާ އިއުލާންކުރާތާ ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، މި މާއްދާގެ (ހ) ގައި ބުނެފައިވާ ޑިޕޮޒިޓް ފައިސާ އިލެކްށަންސް ކޮމިށަނުން އަނބުރާ ދޭންވާނެއެވެ.
(ރ) އިންތިހާބުގައި އެ ދާއިރާއެއްގައި ވޯޓުދިން މީހުންގެ %10 (ދިހައެއް އިންސައްތަ) އިން ފެށިގެން މަތީ އަދަދަކަށް ވޯޓު ލިބިފައިނުވާ މީހުންނަށް، މި މާއްދާގެ (ހ) ގައި ބުނެފައިވާ ޑިޕޮޒިޓް ފައިސާ އަނބުރައެއް ނުލިބޭނެއެވެ.
20 ވަނަ މާއްދާ - އިންތިހާބުގައި ތާއީދު ހޯދުމަށް ބޭނުންކުރާ ނިށާން ފާސްކުރުން
(ހ) އިންތިހާބަށް ކުރިމަތިލާފައިވާ މީހަކު އިންތިހާބުގައި ތާއީދު ހޯދުމަށް ބޭނުންކުރާ ނިށާނަކީ އިލެކްށަންސް ކޮމިށަނަށް ހުށަހަޅައި އެ ކޮމިށަނުން ފާސްކޮށްފައިވާ އެއްޗަކަށް ވާންވާނެއެވެ.
(ށ) މި ގާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެމަތީން އެ އިންތިހާބަކަށް ކުރިމަތިލާފައިވާ މީހުންގެ ނަންތައް އިއުލާންކުރުމުގެ ކުރިން، މި ގާނޫނުގެ 17 ވަނަ މާއްދާގެ (6) ވަނަ ނަންބަރުގެ ދަށުން އިލެކްށަންސް ކޮމިށަނަށް ހުށަހަޅާފައިވާ ނިށާން އިލެކްށަންސް ކޮމިށަނުން ފާސްކޮށް ނިންމަންވާނެއެވެ.
21 ވަނަ މާއްދާ - އިންތިހާބަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތް އެންގުން
(ހ) މި ގާނޫނުގެ 16 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިންތިހާބަށް ކުރިމަތިލުމަށް އެދޭމީހާ އެކަން ބަޔާންކޮށް ހުށަހަޅާ ލިޔުން އިލެކްށަންސް ކޮމިށަނަށް ލިބޭތާ ގިނަވެގެން 48 ގަޑިއިރުގެ (ސާޅީސް އަށްގަޑި އިރުގެ) ތެރޭގައި، އެމީހެއްގެ ހުށަހެޅުން ގަބޫލުކުރިކަން ނުވަތަ ގަބޫލުނުކުރާކަން، އިލެކްށަންސް ކޮމިށަނުން އެމީހަކަށް ލިޔުމުން އަންގަންވާނެއެވެ.
(ށ) އިންތިހާބަށް ކުރިމަތިލުމަށް އެދޭމީހާ ހުށަހަޅާ ހުށަހެޅުން މި މާއްދާގެ (ހ) ގެ ދަށުން ގަބޫލުކުރިކަން ނުވަތަ ގަބޫލުނުކުރާކަން އިލެކްށަންސް ކޮމިށަނުން އެމީހަކަށް އެންގުމުގެ ކުރިން، އިންތިހާބަށް ކުރިމަތިލުމަށް އެދޭމީހާ މި ގާނޫނުގެ 16 ވަނަ މާއްދާއާއި 17 ވަނަ މާއްދާގެ ދަށުން އިލެކްށަންސް ކޮމިށަނަށް ހުށަހަޅަންޖެހޭ މައުލޫމާތާއި ތަކެތި ހަމައަށް ހުރިތޯ އިލެކްށަންސް ކޮމިށަނުން ޔަގީންކުރަންވާނެއެވެ.
(ނ) އިންތިހާބަށް ކުރިމަތިލުމަށް އެދޭމީހާ ހުށަހަޅާ ހުށަހެޅުން މި މާއްދާގެ (ހ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން ގަބޫލުނުކުރާކަމަށް ކަނޑައަޅަންވާނީ، އެ އިންތިހާބަށް ކުރިމަތިލުމަށް ފުރިހަމަވާންޖެހޭ ށަރުތެއް ފުރިހަމަނުވާނަމަ، ނުވަތަ މި ގާނޫނުގެ 16 ވަނަ މާއްދާއާއި 17 ވަނަ މާއްދާގެ ދަށުން އިލެކްށަންސް ކޮމިށަނަށް ހުށަހަޅަންޖެހޭ މައުލޫމާތާއި ތަކެތި ފުރިހަމައަށް ނެތްނަމަ، ނުވަތަ އެތަކެތީގެ ތެރެއިން އެއްޗެއް ސައްހަ ނޫންކަމަށް އިލެކްށަންސް ކޮމިށަނަށް ގަބޫލުކުރެވޭ ހާލަތެއްގައެވެ.
(ރ) އިންތިހާބަށް ކުރިމަތިލުމަށް އެދޭމީހާ ހުށަހަޅާ ހުށަހެޅުން މި މާއްދާގެ (ހ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން ގަބޫލުނުކުރާނަމަ އެކަންއެމީހަކަށް އަންގާއިރު ގަބޫލުނުކުރި ސަބަބު ލިޔުމުން އިލެކްށަންސް ކޮމިށަނުން އެމީހަކަށް އަންގަންވާނެއެވެ.
(ބ) އިންތިހާބަށް ކުރިމަތިލުމަށް އެދޭމީހާއަށް މި މާއްދާގެ (ރ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން އެންގި ސަބަބާމެދު އެމީހަކު ހިތްހަމަނުޖެހޭނަމަ، އަދި އެ ސަބަބަކީ އެ އިންތިހާބަށް އެމީހަކު ކުރިމަތިލުމަށްޓަކައި ފުރިހަމަވާންޖެހޭ ށަރުތު ފުރިހަމަނުވާކަމަށް ނިންމާފައިވާ ނިންމުމެއްކަމުގައިވާނަމަ، އެ މައްސަލައެއް ސުޕްރީމް ކޯޓަށް، އަދި އެނޫންކަމަކާ ގުޅޭގޮތުން ނިންމާފައިވާ ނިންމުމެއްކަމުގައިވާނަމަ އެ މައްސަލައެއް ހައިކޯޓަށް، ހުށަހެޅުމުގެ އިހްތިޔާރު އެމީހަކަށް ލިބިގެންވެއެވެ.
(ޅ) މި މާއްދާގެ (ބ) ގެ ދަށުން ސުޕްރީމް ކޯޓަށް ނުވަތަ ހައިކޯޓަށް ހުށަހަޅާ މައްސަލައެއް، މި މާއްދާގެ (ހ) ގައި ބުނެފައިވާ 48 ގަޑިއިރު (ސާޅީސްއަށް ގަޑިއިރު) ހަމަވާ ވަގުތުން ފެށިގެން ގިނަވެގެން 5 ދުވަހުގެ (ފަސް ދުވަހުގެ) ތެރޭގައި އިންތިހާބަށް ކުރިމަތިލުމަށް އެދޭމީހާ އެ މައްސަލައެއް ކޯޓަށް ހުށަހަޅަންވާނެއެވެ. އަދި އެ މައްސަލައެއް ކޯޓަށް ހުށަހަޅާތާ ގިނަވެގެން 7 ދުވަހުގެ (ހަތް ދުވަހުގެ) ތެރޭގައި ކޯޓުން އެ މައްސަލައަކާމެދު ގޮތެއް ނިންމަންވާނެއެވެ.
22 ވަނަ މާއްދާ - އަލުން ހުށަހެޅުން
މި ގާނޫނުގެ 21 ވަނަ މާއްދާގެ (ހ) ގެ ދަށުން އިންތިހާބަށް ކުރިމަތިލުމަށް އެދޭމީހާ ހުށަހަޅާ ހުށަހެޅުން އިލެކްށަންސް ކޮމިށަނުން ގަބޫލުނުކުރާކަމަށް އެކޮމިށަނުން އަންގާފައިވަނީ، އެ ކޮމިށަނަށް ހުށަހަޅަންޖެހޭ މައުލޫމާތާއި ތަކެތި ފުރިހަމައަށް ނެތްކަމަށް ކަނޑައަޅާފައިވާ ހާލަތެއްގައި ކަމަށްވާނަމަ، އެ ފުރިހަމަނުވާ ކަމަށް އެ ކޮމިށަނުން އަންގާފައިވާ މައުލޫމާތެއް ނުވަތަ އެއްޗެއް ފުރިހަމަކުރުމަށްފަހު، އިންތިހާބަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު ހަމަވުމުގެ ކުރިން އެ ކޮމިށަނަށް ހުށަހެޅުމުގެ އިހްތިޔާރު އިންތިހާބަށް ކުރިމަތިލުމަށް އެދޭމީހާއަށް ލިބިގެންވެއެވެ. ނުވަތަ އިންތިހާބަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު ހަމަވުމުގެ ކުރިން މި ގާނޫނުގެ 16 ވަނަ މާއްދާއާއި 17 ވަނަ މާއްދާގެ ދަށުން އިލެކްށަންސް ކޮމިށަނަށް ހުށަހަޅަންޖެހޭ މައުލޫމާތާއި ތަކެތި ފުރިހަމަ ކުރުމަށްފަހު އަލުން އިންތިހާބަށް ކުރިމަތިލުމަށް އެދި އެ ކޮމިށަނަށް ހުށަހެޅުމުގެ އިހްތިޔާރުވެސް އެމީހާއަށް ލިބިގެންވެއެވެ.
23 ވަނަ މާއްދާ - ނަން އަނބުރާ ގެންދިއުން
އިންތިހާބަށް ކުރިމަތިލާން އެދި އިލެކްށަންސް ކޮމިށަނަށް ނަން ހުށަހަޅާފައިވާ މީހަކު، މި ގާނޫނުގެ 14 ވަނަ މާއްދާގެ (ހ) ގެ ދަށުން ކެންޑިޑޭޓުންގެ ނަންތައް އިއުލާންކުރުމުގެ ކުރިން ކޮންމެ ވަގުތަކުވެސް އެމީހެއްގެ ނަން އެ އިންތިހާބަކުން އަނބުރާ ގެންދިޔުމުގެ އިހްތިޔާރު އެމީހަކަށް ލިބިގެންވެއެވެ.
23 ވަނަ މާއްދާ - ކެންޑިޑޭޓަކު މަރުވުން
(ހ) އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓަކު މަރުވެއްޖެނަމަ، އެމީހާ މަރުވެއްޖެކަމާއި، އިންތިހާބަށް ކުރިމަތިލާފައިވާ މީހުންގެ ތެރޭގައި އެމީހަކު ނުހިމެނޭނެކަމަށް ކަނޑައަޅައި އިލެކްށަންސް ކޮމިށަނުން އެކަން އާންމުކޮށް އަންގައި އިއުލާންކުރަންވާނެއެވެ. އަދި އެ އިއުލާން އިލެކްށަންސް ކޮމިށަންގެ އޮފީހުގައާއި އެ އިންތިހާބީ ދާއިރާއެއްގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާންމުކޮށް ފެންނާނެގޮތަށް ބަހައްޓަންވާނެއެވެ.
(ށ) ކެންޑިޑޭޓަކު މަރުވީ، ވޯޓު ކަރުދާސް ޗާޕުކުރިފަހުން ކަމުގައިވާނަމަ، އެމީހަކު މަރުވެފައިވާ ކަން އެނގޭނެފަދަ ލިޔުމެއް އެމީހަކު ކުރިމަތިލި އިންތިހާބީ ދާއިރާގެ ކޮންމެ ވޯޓިންގ ބޫތެއްގައި ވޯޓުލާން އަންނަ ފަރާތްތަކަށް ފެންނަ ގޮތަށް، ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ބަހައްޓަންވާނެއެވެ. އަދި އެއްވެސް ހާލަތެއްގައި އެ މީހަކަށް އެ އިންތިހާބުގައި ވޯޓު ލިބިފައިވާނަމަ، އެ ވޯޓުތައްވާނީ ބާތިލު ވޯޓުތަކަކަށެވެ.
25 ވަނަ މާއްދާ - ރަސްމީ އިންތިހާބީ އޭޖެންޓް
(ހ) އިންތިހާބަކަށް ކުރިމަތިލާ ކޮންމެ ކެންޑިޑޭޓަކު އެމީހަކު އިންތިހާބަށް ކުރިމަތިލުމުގެ ކުރިން އެ އިންތިހާބުގައި އެމީހާގެ ރަސްމީ އިންތިހާބީ އޭޖެންޓަކު ކަނޑައަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ރަސްމީ އިންތިހާބީ އޭޖެންޓް ކަމަށް ކަނޑައަޅާ ފަރާތެއްގައި އަންނަނިވި ސިފަތައް ހުންނަންވާނެއެވެ.
- އެ އިންތިހާބުގައި ކުރިމަތިލާފައިވާ ކެންޑިޑޭޓެއްކަމުގައި ނުވުން.
- އެ އިންތިހާބުގެ ކަންތައްތައް އިލެކްށަންސް ކޮމިށަނުން އަންގާ ގޮތެއްގެމަތިން ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ މީހަކުކަމުގައި ނުވުން.
- އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކުކަމުގައި ނުވުން.
- އެ އިންތިހާބެއްގައި ވޯޓުދިނުމުގެ ހައްގު ލިބިފައިނުވާ މީހަކުކަމުގައި ނުވުން.
26 ވަނަ މާއްދާ - ރަސްމީ އިންތިހާބީ އޭޖެންޓް މަރުވުން، އިސްތިއުފާ ދިނުން ނުވަތަ ވަކިކުރުން
މި ގާނޫނުގެ ދަށުން ކެންޑިޑޭޓަކު ރަސްމީ އިންތިހާބީ އޭޖެންޓްގެ ގޮތުގައި ކަނޑައަޅާފައިވާ މީހަކު މަރުވެއްޖެނަމަ، ނުވަތަ އޭނާ އެ މަގާމުން އިސްތިއުފާދީފިނަމަ، ނުވަތަ އެ މަގާމުން ވަކިކޮށްފިނަމަ، އެ ކެންޑިޑޭޓަކު ލަސްނުކޮށް އެ މަގާމަށް މީހަކު ކަނޑައަޅަންވާނެއެވެ. އަދި މިގޮތުން ކަނޑައަޅާ ފަރާތާގުޅޭ ގޮތުން މި ގާނޫނުގެ 16 ވަނަ މާއްދާއާއި 17 ވަނަ މާއްދާގައިވާ މައުލޫމާތާއި ތަކެތި ގިނަވެގެން 7 ދުވަހުގެ (ހަތް ދުވަހުގެ) ތެރޭގައި އިލެކްށަންސް ކޮމިށަނަށް ހުށަހަޅަންވާނެއެވެ. އަދި މި ގެނެވުނު ބަދަލު އިލެކްށަންސް ކޮމިށަނުގެ ފަރާތުން އާންމުކޮށް އިއުލާން ކުރަންވާނެއެވެ.
27 ވަނަ މާއްދާ - އެއް ރަސްމީ އިންތިހާބީ އޭޖެންޓް
ކޮންމެ އިންތިހާބެއްގައިވެސް ކޮންމެ ކެންޑިޑޭޓަކަށް އެއް ވަގުތެއްގައި ބެހެއްޓޭނީ އެއް ރަސްމީ އިންތިހާބީ އޭޖެންޓެވެ.
ތާއީދު ހޯދުމަށް މަސައްކަތް ކުރުން
28 ވަނަ މާއްދާ - ތާއީދު ހޯދުމަށް މަސައްކަތް ކުރުމުގެ ހައްގު
(ހ) އިންތިހާބެއްގައި ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް، އެމީހުން އިންތިހާބަށް ކުރިމަތިލާފައިވާ އިންތިހާބީ ދާއިރާގެ މީހުންގެ ތާއީދު ހޯދުމަށް މަސައްކަތްކުރުމުގެ ހައްގު ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) އިން ކެންޑިޑޭޓުންނަށް ލިބިދީފައިވާ ހައްގުގެ ދަށުން، ކެންޑިޑޭޓުން ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައި، ކެންޑިޑޭޓުންނަށް ތިރީގައިމިވާ ކަންތައްތައް ކުރެވިދާނެއެވެ.
- އެ ދާއިރާއެއްގެ މީހުންނާ ބައްދަލުކުރުމާއި ވާހަކަ ދެއްކުން.
- ސުލްހަވެރިކަމާއެކު އެއްވުންތައް ބޭއްވުން.
- ހަބަރުފަތުރާ ވަސީލަތްތަކުގެ ބޭނުންހިފުން.
- އެ އިންތިހާބީ ދާއިރާއެއްގެ މީހުންނަށް ސިޓީފޮނުވުމާއި، ފޮޓޯއާއި ސްޓިކާއާއި ލިޔުންފަދަ ތަކެތި ބެހުމާއި، އެތަކެތި އާންމުކޮށް ފެންނާނެހެން ބެހެއްޓުން.
- ނިށާނާއި ނިށާން ޖަހާފައިވާ ތަކެތި ގެންގުޅުމާއި ބޭނުންކުރުން.
- އިށްތިހާރުކުރުން.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ކެންޑިޑޭޓުންނަށް ލިބިދީފައިވާ ތާއީދު ހޯދުމަށް މަސައްކަތްކުރުމުގެ ހައްގު، އެ ކެންޑިޑޭޓުންނަށް ތާއީދުކުރާ ފަރާތްތައް މެދުވެރިކޮށް ބޭނުންކުރުމުގެ އިހްތިޔާރު ކެންޑިޑޭޓުންނަށް ލިބިގެންވެއެވެ. އަދި މިގޮތުން ކެންޑިޑޭޓުންގެ ފަރާތުން ތާއީދު ހޯދުމަށް މަސައްކަތް ކުރާ ފަރާތްތަކުންވެސް މި ގާނޫނުގެ 29 ވަނަ މާއްދާގައި ބުނެފައިވާ ސުލޫކީ މިންގަނޑު ދަމަހައްޓަންޖެހޭނެއެވެ.
29 ވަނަ މާއްދާ - ސުލޫކީ މިންގަނޑު
(ހ) އިންތިހާބުތަކުގައި ކެންޑިޑޭޓުން ތާއީދު ހޯދުމަށް މަސައްކަތް ކުރުމުގައި ގެންގުޅެންޖެހޭ ސުލޫކީ މިންގަނޑު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައި އޮންނަންޖެހޭނެއެވެ. އަދި މިގޮތުން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ސުލޫކީ މިންގަނޑު، އިންތިހާބުތަކުގައި ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތް ކުރާ ހުރިހާ ފަރާތްތަކުންވެސް ދަމަހައްޓަންޖެހޭނެއެވެ.
(ށ) އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި، އެހެން ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެއެވެ. އަދި އެހެން ކެންޑިޑޭޓަކާބެހޭގޮތުން އެއްވެސް ދޮގު މައުލޫމާތެއް ބޭނުންކޮށްގެންވެސް ނުވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބުނެފައިވާގޮތުގެމަތިން ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް އުނިކަމެއް އަތުވެދާނެފަދަ ކަމެއް އެހެން ފަރާތަކުންކުރާނަމަ، އެކަމުގެ ށަކުވާ އިލެކްށަންސް ކޮމިށަނަށް ހުށަހަޅައި އެކަމެއް ހުއްޓުވައި ދިނުމަށް އެ ކޮމިށަންގައި އެދުމުގެ ހައްގު އެ ކެންޑިޑޭޓަކަށް ލިބިގެންވެއެވެ. އަދި އިލެކްށަންސް ކޮމިށަނުން ލަސްނުކޮށް އެ މައްސަލައެއް ބަލައި އެކަމާމެދު ވަގުތުން ފިޔަވަޅު އަޅަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގެ ދަށުން އިލެކްށަންސް ކޮމިށަނަށް ހުށަހަޅާ ށަކުވާތައް ފަސޭހައިން ހުށަހެޅޭނެ ގޮތާއި، އަވަހަށް އެ މައްސަލައެއް ބަލައި ފިޔަވަޅު އެޅޭނެގޮތްތަކުގެ ތަފްސީލު މި ގާނޫނުގެ 62 ވަނަ މާއްދާގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.
30 ވަނަ މާއްދާ - ބްރޯޑްކާސްޓް ކުރުން
(ހ) އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އިލެކްށަންސް ކޮމިށަނުން ރަސްމީކޮށް އިއުލާންކުރާ ދުވަހުން ފެށިގެން އިންތިހާބުގައި ވޯޓުނަގާ ދުވަހުގެ ކުރީދުވަހުގެ ހަވީރު 6.00 އާހަމައަށް، ދިވެހިރާއްޖޭގައި ބްރޯޑްކާސްޓްކުރާ ހުރިހާ ފަރާތަކުން، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، އެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކުން ތާއީދު ހޯދުމަށް މަސައްކަތް ކުރުމަށްޓަކައި އިށްތިހާރާއި ޕްރޮގްރާމްތައް ފޮނުވުމަށް ވަގުތު ހާއްސަކުރަންވާނެއެވެ.
(ށ) ބްރޯޑްކާސްޓްކުރާ ކޮންމެ ފަރާތަކުންވެސް މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ ވަގުތުތަކާއި، އެ ވަގުތުތައް ވިއްކާނަމަ ވިއްކުމަށް ހަމަޖެހިފައިވާ އަގުތައް އާންމުކޮށް އިއުލާންކުރަންވާނެއެވެ. އަދި ކެންޑިޑޭޓުންނަށް ވަގުތު ދޫކުރުމުގައި ނުވަތަ ވަގުތު ވިއްކުމުގައި ހަމަހަމަ އުސޫލެއް ބްރޯޑްކާސްޓްކުރާ ފަރާތްތަކުން ގެންގުޅެންވާނެއެވެ.
(ނ) ބްރޯޑްކާސްޓްކުރާ އެއްވެސް ފަރާތަކުން އެއްވެސް ހާލަތެއްގައި، މި މާއްދާގެ (ހ) ގެ ދަށުން ކެންޑިޑޭޓުންނަށް ހާއްސަކުރާ ވަގުތުގެ ތެރެއިން އެއް ކެންޑިޑޭޓަކަށް ދޭން ކަނޑައަޅާ ވަގުތަށްވުރެ %10 (ދިހައެއް އިންސައްތަ) އަށް ވުރެ އިތުރު ވަގުތު، އެއް ކެންޑިޑޭޓަކަށް ނުވަތަ އެއް ސިޔާސީ ޕާޓީއަކަށް ނުވަތަ އެއް ކެންޑިޑޭޓަކަށާއި އެ ކެންޑިޑޭޓު ނިސްބަތްވާ ސިޔާސީ ޕާޓީއަށް ދީ ނުވަތަ ވިއްކައިގެން ނުވާނެއެވެ.
31 ވަނަ މާއްދާ - ތާއީދު ހޯދުމަށް ރާއްޖެއިން ބޭރުން ބްރޯޑްކާސްޓްކުރުން މަނާކުރުން
އިންތިހާބެއްގައި ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައި ދިވެހިރާއްޖެއިން ބޭރުގައި އޮޕަރޭޓް ކުރާ އެއްވެސް ބްރޯޑްކާސްޓްކުރާ ސްޓޭށަނެއް ބޭނުން ކުރުމަކީ މަނާކަމެކެވެ.
ވޯޓު ނެގުމަށް ތައްޔާރުވުން
32 ވަނަ މާއްދާ - ވޯޓުލާ މަރުކަޒުތަކުގައި ތިބޭ މީހުން
(ހ) އިންތިހާބުތަކުގައި ވޯޓުލާ މަރުކަޒުތަކުގައި ވޯޓު ނެގުމާބެހޭ އެންމެހައި ކަންތައްތައް ބަލަހައްޓަން ތިބެންވާނީ އިލެކްށަންސް ކޮމިށަނުގެ މުވައްޒަފުން ނުވަތަ އެކަމަށް އެ ކޮމިށަނުން އައްޔަންކުރާ ބަޔެކެވެ. މިގޮތުން ތިބޭ މީހުންގެ ތެރެއިން ވޯޓުލާ ކޮންމެ މަރުކަޒެއްގައި އެ މަރުކަޒެއްގެ އެންމެހައި ކަންކަން ބަލަހައްޓާނެ އިސް ފަރާތެއް އިލެކްށަންސް ކޮމިށަނުން އައްޔަންކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ވޯޓު ނެގުމާބެހޭ ކަންތައްތައް ބަލަހައްޓަން ތިބޭ ބަޔަކީ ވޯޓުލާ އެ މަރުކަޒު ނިސްބަތްވާ އިންތިހާބީ ދާއިރާގެ އިދާރީ ހިންގުމުގައި އެއްވެސް އިސް ދައުރެއް އަދާކުރާ ބަޔަކަށް ވެގެންނުވާނެއެވެ. އަދި އެމީހުންނަކީ ވޯޓު ނެގުމާބެހޭ ކަންތައްތައް ބެލެހެއްޓުމުގެ ގާބިލުކަން ހުރި، އަދި ވަކި ފަރާތަކަށް ބުރަނުވެ އެ މަސްއޫލިއްޔަތު އަދާކުރެވޭ ބަޔަކަށްވާންޖެހޭނެއެވެ.
(ނ) ވޯޓު ނެގުމާބެހޭ ކަންތައްތައް ބަލަހައްޓަން ތިބޭ މީހުންގެ މައިގަނޑު މަސްއޫލިއްޔަތުތަކަކީ، ވޯޓުފޮށި ބެލެހެއްޓުމާއި، ވޯޓު ނެގުމާއި ވޯޓު ގުނުމާގުޅޭ އެންމެހައި ކަންތައްތައް ބެލެހެއްޓުމާއި، ވޯޓުގެ ވަގުތީ ނަތީޖާ އިއުލާންކުރުމާއި، އަދި ވޯޓުލާން އަންނަ މީހުންގެ ކަންތައްތައް ބެލެހެއްޓުމާއި، ވޯޓުލާ ސަރަހައްދުގައި ވޯޓުލާން އަންނަ މީހުންގެ އިންތިޒާމު ހަމަޖެއްސުމާއި، އޮބްޒާވަރުންނާއި މޮނިޓަރުކުރާ ފަރާތްތަކުގެ ކަންތައްތައް ބެލެހެއްޓުމާއި، އަދި އެސަރަހައްދުގައި ގާނޫނާ ހިލާފު ކަމެއް ހިނގާނަމަ އެކަމެއް މަނާކުރުމާއި ހުއްޓުވުމެވެ.
(ރ) ވޯޓު ނެގުމާބެހޭ ކަންތައްތައް ބަލަހައްޓަން ތިބޭ މީހުންގެ ތެރެއިން އެއްވެސް މީހަކު ވޯޓިންގ ބޫތުގައި ވޯޓުލާން އައިސް ހުރި މީހަކު ހުއްޓާ ވޯޓިންގ ބޫތަށް ވަދެގެން ނުވާނެއެވެ.
(ބ) ވޯޓު ނެގުމާބެހޭ ކަންތައްތައް ބަލަހައްޓަން ތިބޭ މީހުން ވޯޓު ނެގުމާބެހޭ ކަންތައްތަކުގައި ހަރަކާތްތެރިވާއިރު އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ނިށާނެއް އެމީހުންގެ ހެދުމުގައި ފެންނަގޮތަށް ހަރުކުރެވިފައި ހުންނަންވާނެއެވެ.
(ޅ) ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލާން ފެށުމުގެ ކުރިން ފެށިގެން ވޯޓުލާނިމި، ވޯޓުގެ ނަތީޖާ އިއުލާންކޮށް އަދިވޯޓާބެހޭ ހުރިހާ ކަމެއް ނިމެންދެން ވޯޓުލާ ހުރިހާ މަރުކަޒުތަކެއްގެ ސަލާމާތާއި ރައްކާތެރިކަން ދައުލަތުގެ ސަލާމަތީ ބާރުތަކުން ބަލަހައްޓަންވާނެއެވެ.
33 ވަނަ މާއްދާ - ވޯޓުލާ މަރުކަޒުތަކުގައި ތިބޭ މީހުންގެ ލިސްޓް
އިންތިހާބުތަކުގައި، އެ އިންތިހާބަށް ކުރިމަތިލާފައިވާ ކޮންމެ ކެންޑިޑޭޓަކަށް އެ ކެންޑިޑޭޓެއް ކުރިމަތިލާފައިވާ އިންތިހާބީ ދާއިރާގެ ވޯޓުލާ މަރުކަޒުތަކުގައި އިލެކްށަންސް ކޮމިށަންގެ ފަރާތުން ވޯޓު ނެގުމުގެ ކަންތައްތައް ބަލަހައްޓަން ތިބޭ މީހުންގެ ތަފްސީލު އެނގޭނޭ ލިސްޓެއް އެ އިންތިހާބެއްގެ ވޯޓުލުން އޮންނަ ދުވަހުގެ މަދުވެގެން 3 ދުވަހުގެ (ތިން ދުވަހުގެ) ކުރިން، އިލެކްށަންސް ކޮމިށަނުން ކޮންމެ ކެންޑިޑޭޓަކަށް ފޮނުވައި، އިލެކްށަންސް ކޮމިށަނުގެ އޮފީހުގައި އެ ލިސްޓް އާންމުކޮށް ފެންނަގޮތަށް ބަހައްޓަންވާނެއެވެ. އަދި އެ ލިސްޓްގައި ހިމެނޭ މީހަކާމެދު ކެންޑިޑޭޓަކު ށަކުވާއެއް އުފުލައިފިނަމަ އެ ށަކުވާއެއް އިލެކްށަންސް ކޮމިށަނުން ބަލަންވާނެއެވެ.
34 ވަނަ މާއްދާ - މައުލޫމާތާއި އިރުށާދު ދިނުން
ވޯޓުލާ މަރުކަޒުތަކުގައި އިލެކްށަންސް ކޮމިށަންގެ ފަރާތުން ވޯޓު ނެގުމުގެ ކަންތައްތައް ބަލަހައްޓަން ތިބޭ މީހުންނަށް އެމީހުންގެ ޒިންމާ އަދާކުރުމަށްޓަކައި ބޭނުންވާވަރަށް އެމީހުންގެ މަސްއޫލިއްޔަތުތަކާބެހޭ ތަމްރީނާއި، މައުލޫމާތާއި، އިރުށާދު އިލެކްށަންސް ކޮމިށަނުން ދޭންވާނެއެވެ.
35 ވަނަ މާއްދާ - ވޯޓު ފޮށި
(ހ) އިންތިހާބުތަކުގައި ބޭނުންކުރާ ވޯޓު ފޮށިތައް ހުންނަންވާނީ އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ސައިޒަކަށާއި، އެ ކޮމިށަނުން ކަނޑައަޅާ ގޮތަކަށް، އެތެރެ ފެންނަގޮތަށެވެ. އަދި އެ އިންތިހާބެއް ބޭއްވުމުގެ މަދުވެގެން 5 ދުވަސް (ފަސް ދުވަސް) ކުރިން އެ އިންތިހާބެއްގައި ބޭނުންކުރާނެ ވޯޓުފޮށިތަކާބެހޭ ތަފްސީލު މައުލޫމާތު އިލެކްށަންސް ކޮމިށަނުން އާންމުކޮށް އިއުލާން ކުރަންވާނެއެވެ.
(ށ) ވޯޓުލާ މަރުކަޒުތަކުގައި ވޯޓު ލުމަށް ބޭނުންކުރަންވާނީ، މި މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެމަތިން ތައްޔާރުކޮށް އިލެކްށަންސް ކޮމިށަނުން ފޮނުވާ ވޯޓު ފޮށިތަކެވެ.
36 ވަނަ މާއްދާ - ވޯޓު ކަރުދާސް
(ހ) އިންތިހާބުތަކުގައި ވޯޓު ދޭންވާނީ ތިރީގައި ބުނެފައިވާ ގޮތުގެމަތިން އިލެކްށަންސް ކޮމިށަނުން ތައްޔާރުކޮށްފައިވާ ވޯޓު ކަރުދާހުގައެވެ.
- ވޯޓު ކަރުދާސް ޗާޕްކޮށްފައި ހުންނަންވާނީ އެކަށީގެންވާ މިންވަރަކަށް ވޯޓު ކަރުދާސް ހިމެނޭ ވަކިވަކި ފޮތްތަކެއްގައެވެ.
- ވޯޓު ކަރުދާސް ޗާޕްކުރެވިފައި ހުންނަންވާނީ ކައުންޓަރ ފޮއިލް ހިމެނޭގޮތަށް، ކައުންޓަރ ފޮއިލާއި އަދި ވޯޓުލާ ކަރުދާސްކޮޅާ ދެބައި ބުރިކޮށްލެވޭގޮތަށް ކައުންޓަރ ފޮއިލުގައި ހީރަސްޖަހާފައެވެ.
- ވޯޓު ކަރުދާސް ހުންނަންވާނީ އެ ވޯޓު ކަރުދާހާއި ކައުންޓަރ ފޮއިލް، ޗާޕްކޮށްފައިވާ ފޮތުން ވަކިކުރެވޭގޮތަށް، އަދި އެ ފޮތުން ވަކިކުރުމުން އެ ވޯޓު ކަރުދާހާއި ކައުންޓަރ ފޮއިލް ވަކިކުރިކަން އެނގޭގޮތަށް އެ ވޯޓު ކަރުދާހުގެ ކައުންޓަރ ފޮއިލް އެ ފޮތުގައި ބާކީ ހުންނަގޮތަށެވެ.
- ވޯޓު ކަރުދާހުގެ ކައުންޓަރ ފޮއިލްގައި ސީރިއަލް ނަންބަރު ޖަހާފައި ހުންނަންވާނެއެވެ. އަދި ވޯޓު ކަރުދާސް ޗާޕްކޮށްފައިވާ ފޮތްތަކުގެ ބޭރުގައި އެ ފޮތުގައި ހިމެނެނީ ކޮން ނަންބަރަކުން ކޮން ނަންބަރަކާ ދެމެދުގެ ވޯޓު ކަރުދާސްކަން އެނގެން އޮންނަންވާނެއެވެ.
- ވޯޓު ކަރުދާސް ހުންނަންވާނީ އެކި އިންތިހާބުތަކަށް އެކި ކުލަ ބޭނުންކުރާ އުސޫލުން އެފަހަރަކު އިލެކްށަންސް ކޮމިށަނުން ވޯޓު ކަރުދާސް ޗާޕުކުރުމަށް ކަނޑައަޅާ ކުލައަކުން، ކަނޑައަޅާ ސައިޒަކުން، ކަނޑައަޅާ ކަރުދާހެއްގައެވެ.
- ވޯޓު ކަރުދާހުގައި އެއީ ކޮން އިންތިހާބެއްގެ ވޯޓު ކަރުދާހެއްކަން އެނގެން އޮންނަންވާނެއެވެ.
(ށ) ކޮންމެ އިންތިހާބެއްގައިވެސް އެ އިންތިހާބެއް ބޭއްވުމުގެ ގިނަވެގެން 5 ދުވަސް (ފަސް ދުވަސް) ކުރިން އެ އިންތިހާބަކަށް ޗާޕްކުރެވުނު ވޯޓު ކަރުދާހުގެ ޖުމްލަ އަދަދާއި، ވޯޓު ކަރުދާސް ޗާޕްކުރިތަނެއްގެ މައުލޫމާތު އާންމުކޮށް އިއުލާންކުރަންވާނެއެވެ.
37 ވަނަ މާއްދާ - ވޯޓުލާ މަރުކަޒުތަކުގައި ތިބޭ މީހުންނަށް ފޮނުވަންޖެހޭ ތަކެތި
(ހ) އިންތިހާބުތަކުގައި، އިލެކްށަންސް ކޮމިށަނުން ވޯޓު ނެގުމުގެ ކަންތައްތައް ބަލަހައްޓަން ވޯޓުލާ މަރުކަޒުތަކުގައި ތިބޭ، މި ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ އިސް ފަރާތްތަކަށް
އެ އިންތިހާބެއް ބޭއްވުމުގެ ކުރިން އަންނަނިވި ތަކެތި އިލެކްށަންސް ކޮމިށަނުން ފޮނުވަންވާނެއެވެ.
- އެ މަރުކަޒަކަށް ވޯޓު ލުމަށް ރަޖިސްޓަރީވެފައިވާ އަދަދަށްވުރެ %1 (އެކެއް އިންސައްތަ) އިތުރުނުވާ އަދަދަކަށް ވޯޓު ކަރުދާސް.
- އެ މަރުކަޒެއްގައި ހުންނާނެކަމަށް އިލެކްށަންސް ކޮމިށަނުން އިއުލާންކޮށްފައިވާ އަދަދަށް ވޯޓު ފޮށި.
- އެ މަރުކަޒަކަށް ފޮނުވުނު ވޯޓު ފޮށީގެ އަދަދާއި، ވޯޓު ކަރުދާހުގެ އަދަދާއި، ވޯޓު ކަރުދާސް ޗާޕްކޮށްފައިވާ ފޮތްތަކުގެ ބޭރުގައި ޖަހާފައިވާ ވޯޓު ކަރުދާހުގެ ސީރިއަލް ނަންބަރުތައް އެނގޭ ގޮތަށް އިލެކްށަންސް ކޮމިށަނުން ތައްޔާރުކޮށްފައިވާ ރަސްމީ ލިޔުމެއް.
- ވޯޓުގެ ކަންތައްތައް ބެލެހެއްޓުމަށްޓަކައި ފޮނުވާ އިރުށާދުތައް ހިމެނޭ ލިޔުމެއް.
- ވޯޓު ދިނުމުގައި ބޭނުންކުރަންޖެހޭ އެކިއެކި ސާމާނާއި، އަދި މިނޫންވެސް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ނުވަތަ އެ އިންތިހާބަކާބެހޭ ހާއްސަ ގާނޫނުގައި ބުނެފައިވާ އިތުރު ތަކެތި.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން އެ މަރުކަޒަކަށް ފޮނުވާ ތަކެއްޗަށް، ވޯޓު ނެގުމުގެ ކަންތައްތައް ބަލަހައްޓަން ވޯޓުލާ މަރުކަޒަށް ކަނޑައަޅާފައި ހުންނަ އިސް ފަރާތުން ޒިންމާވާންޖެހޭނެއެވެ. އަދި އެ ތަކެތި ގާނޫނާ ހިލާފަށް ބޭނުންކުރިޔަނުދިނުމަށްޓަކައި ރައްކާތެރިގޮތެއްގައި އެ ފަރާތުން އެ ތަކެތި ބަލަހައްޓަންވާނެއެވެ.
38 ވަނަ މާއްދާ - ވޯޓުފޮށި ބެހެއްޓިފައިވާ ސަރަހައްދާއި، ވޯޓުފޮށި ބެހެއްޓުން
(ހ) ވޯޓުލާ މަރުކަޒުތަކުގައި، ވޯޓުފޮށި ބެހެއްޓިފައިވާ ސަރަހައްދަކީ، ވޯޓުފޮށިން ފެށިގެން 100 (އެއްސަތޭކަ) ފޫޓުގެ ތެރޭގައި ހިމެނިގެންވާ ގޯތިގެދޮރާއި، މަގުތަކާއި، ގޯޅިތައް ފިޔަވައި ޕާކުތަކާއި، ހުސްބިންތަކާއި، ބޯޅަދަނޑު ފަދަ ތަންތަން ހިމެނިގެންވާ ސަރަހައްދެވެ.
(ށ) ވޯޓުފޮށި ބަހައްޓާ ސަރަހައްދުގައި ވޯޓުފޮށި ބަހައްޓަންވާނީ ވޯޓުލާން އަންނަ މީހުންނަށާއި ވޯޓު ނެގުމުގެ ކަންތައްތައް ބަލަހައްޓަން ތިބޭ ބަޔަކަށްވެސް ފެންނަގޮތަށް، ފަސޭހައިން ވަދެ ނުކުމެވޭފަދަ ހާމަ ތަނެއްގައެވެ.
(ނ) ވޯޓިންގ ބޫތު ހުންނަންވާނީ ވޯޓު ކަރުދާހުގައި ޖަހާ ފާހަގަ، ވޯޓު ދޭ މީހާ ފިޔަވައި، އެހެން އެއްވެސް މީހަކަށް ނުފެންނާނޭހެން ނިވާކޮށްފައެވެ.
39 ވަނަ މާއްދާ - ކެންޑިޑޭޓުންގެ ނަން އާންމުކޮށް ފެންނަ ގޮތަށް ބެހެއްޓުން
ކެންޑިޑޭޓުންގެ ނަންތައް، އިލެކްށަންސް ކޮމިށަނުން އިއުލާންކޮށްފައިވާ ތަރުތީބުން، ރަނގަޅަށް ކިޔަން އެނގޭނެހެން ލިޔެ، ވޯޓު ނަގާ ދުވަހު ވޯޓުފޮށި ބަހައްޓާފައިވާ ކޮންމެ ސަރަހައްދެއްގައި އާންމުކޮށް ފެންނާނެހެން ބަހައްޓަންވާނެއެވެ.
40 ވަނަ މާއްދާ - އިންތިހާބުގެ އޮބްޒާވަރުން
(ހ) އިންތިހާބެއްގައި އެ އިންތިހާބުގެ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުމަށްޓަކައި، އިންތިހާބުގެ އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވެވޭނީ، ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުން ކަނޑައަޅާ ބަޔަކާއި، އަމިއްލައަށް އެކަމަށް އެދޭ މީހުންނާއި، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޖަމްއިއްޔާ ޖަމާއަތްތަކުން ކަނޑައަޅާ ބަޔަކާއި، ބައިނަލްއަގްވާމީ ޖަމްއިއްޔާ ޖަމާއަތްތަކުން ކަނޑައަޅާ ބަޔެއްގެ ތެރެއިން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އުސޫލެއްގެ ދަށުން އިލެކްށަންސް ކޮމިށަނުން އެކްރެޑިޓްކުރާ ނުވަތަ ހުއްދަ ދޫކުރާ ފަރާތްތަކަށެވެ.
(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެމަތިން ހުއްދަ ދޫކޮށްފައިވާ މީހުން އިންތިހާބުގެ އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވާއިރު އެކަމަށް އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ފާހެއް، އެމީހުންގެ ހެދުމުގައި ފެންނަގޮތަށް ހަރުކުރެވިފައި ހުންނަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެމަތިން ހުއްދަ ދޫކޮށްފައިވާ އޮބްޒާވަރުންނަށް މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ހުއްދަކުރާ ގޮތުގެމަތިން އަދި ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރުމާއެކު، ވޯޓުލާ ސަރަހައްދުގައާއި، ވޯޓު ގުނާ ތަނުގައި ހަރަކާތްތެރި ވެވިދާނެއެވެ.
- ވޯޓުނެގުމުގެ އިންތިޒާމްތަކާ ބެހޭގޮތުން ކަމެއް ސާފުކުރުމަށް ބޭނުންވެއްޖެ ހިނދެއްގައި އެރަށަކަށް ނުވަތަ އެސަރަހައްދަކަށް ނުވަތަ އެތަނަކަށް އިލެކްށަންސް ކޮމިށަނުން އައްޔަން ކޮށްފައިވާ އެންމެ އިސްވެރިއަކާ ވާހަކަ ދައްކައިގެން އެކަމެއް ސާފުކުރުން.
- ވޯޓުލާ އެސަރަހައްދެއްގައި ވޯޓު ދޭން އަންނަ މީހުންނަށް ދަތިނުވާނޭގޮތުގެމަތިން އެފަރާތްތަކާ މުއާމަލާތު ކުރުން.
- އެރަށަކަށް ނުވަތަ އެސަރަހައްދަކަށް ވޯޓު ނެގުމުގެ ކަންތައްތައް ބަލަހައްޓަން ފޮނުވާފައިވާ މީހުންގެ މަސައްކަތަށް ނުވަތަ ވޯޓު ގުނުމުގައި ހަރަކާތްތެރިވާ އެއްވެސް މީހެއްގެ މަސައްކަތަށް ދަތިވާ ކަހަލަ އެއްވެސް އަމަލެއް ނުކުރުން.
- މި ގާނޫނުގެ 44 ވަނަ މާއްދާގައި ވޯޓުނަގާ ދުވަހު ކުރުން މަނާކަމަށް ބުނެފައިވާ އެއްވެސް ކަމެއް ނުކުރުން.
- މުއާސަލާތީ ގޮތުން ބޭނުންކުރެވޭ އެއްވެސް އެއްޗެއް ވޯޓުލާ ސަރަހައްދުގައި ބޭނުން ނުކުރުން.
- ވޯޓުލާ ސަރަހައްދުގައި އެއްވެސް ހާލެއްގައި އެއްވެސް ސިފައެއްގައި ކެމެރާއަކުން ނުވަތަ ފޯނަކުން ނުވަތަ އެބާވަތުގެ އެއްވެސް ވަސީލަތެއް ބޭނުން ކޮށްގެން ފޮޓޯ ނުނެގުން، އަދި މަންޒަރާއި އަޑު ރެކޯޑު ނުކުރުން.
41 ވަނަ މާއްދާ – މޮނިޓަރުކުރުން
(ހ) ވޯޓުނަގާ ދުވަހު ވޯޓުލުމުގެ ކަންތައްތައް ރިޕޯޓަރުންގެ ހައިސިއްޔަތުން މޮނިޓަރުކުރުމަށްޓަކައި ވޯޓުލާ ސަރަހައްދުތަކުގައާއި ވޯޓުގުނާ ތަންތަނުގައި ހަރަކާތްތެރިވެވޭނީ މި ގާނޫނުގެ ދަށުން އެކަމަށް އިލެކްށަންސް ކޮމިށަނުން ހުއްދަ ދޭ ރިޕޯޓަރުންނަށެވެ.
(ށ) ވޯޓުނަގާ ދުވަހުގެ 10 ދުވަސް (ދިހަ ދުވަސް) ކުރިން އެރަށެއްގައި ނުވަތަ އެސަރަހައްދެއްގައި ނުވަތަ އެތަނެއްގައި މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ހުއްދަ ހޯދުމަށް އެދި ހުށަހަޅާ، ރަޖިސްޓަރީ ކޮށްފައިވާ ނޫސް، މަޖައްލާ އަދި ހަބަރުފަތުރާ ކޮންމެ އިދާރާއަކުން ވޯޓުލާ އަދި ވޯޓު ގުނާ ކޮންމެ ސަރަހައްދަކަށް އެކަކަށްވުރެ އިތުރުނުވާ ގޮތަށް އިލެކްށަންސް ކޮމިށަނުން ހުއްދަ ދޫކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބުނެފައިވާ ގޮތުގެމަތިން ހުއްދަ ދޫކުރެވޭ މީހުން، އިންތިހާބު މޮނިޓަރުކުރުމަށް ހަރަކާތްތެރިވާއިރު އެކަމަށް އިލެކްށަންސް ކޮމިށަނުން ދޫކުރާ ފާހެއް އެމީހުންގެ ހެދުމުގައި ފެންނަގޮތަށް ހަރުކުރެވިފައި ހުންނަންވާނެއެވެ.
(ރ) މި މާއްދާގެ (ށ) ގައި ބުނެފައިވާ ގޮތުގެމަތިން އިންތިހާބު މޮނިޓަރުކުރުމަށް ހުއްދަ ދޫކޮށްފައިވާ މީހުންނަށް، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވައިދުގައި ހުއްދަކުރާ ގޮތުގެމަތިން، އަދި ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރުމާއެކު، ވޯޓުލާ ސަރަހައްދުތަކާއި ވޯޓުގުނާ ތަންތަނުގައި ހަރަކާތްތެރިވެވިދާނެއެވެ.
- ވޯޓުލާ ސަރަހައްދުތަކާއި، ވޯޓުގުނާ ތަންތަނުގައި އެ މަސައްކަތް ހާމަކޮށް ފެންނާނެ ގޮތަށް ތިބުން.
- ވޯޓުނެގުމުގެ އިންތިޒާމްތަކާބެހޭ ގޮތުން ކަމެއް ސާފުކުރަން ބޭނުންވެއްޖެ ހިނދެއްގައި އެރަށަކަށް ނުވަތަ އެސަރަހައްދަކަށް ނުވަތަ އެތަނަކަށް އިލެކްށަންސް ކޮމިށަނުން އައްޔަންކޮށްފައިވާ އެންމެ އިސްވެރިއަކާ ވާހަކަ ދައްކައިގެން އެކަމެއް ސާފުކުރުން.
- އެރަށަކަށް ނުވަތަ އެސަރަހައްދަކަށް ވޯޓު ނެގުމުގެ ކަންތައްތައް ބަލަހައްޓަން ފޮނުވާފައިވާ މީހެއްގެ މަސައްކަތަށް ނުވަތަ ވޯޓު ގުނުމުގައި ހަރަކާތްތެރިވާ އެއްވެސް މީހެއްގެ މަސައްކަތަށް ދަތިވާ ކަހަލަ އެއްވެސް އަމަލެއް ނުކުރުން.
- ވޯޓުލާ ސަރަހައްދުގައި، ވޯޓުލާން ދާ މީހުންނާ އިންޓަވިޔުނުކުރުން.
- މި ގާނޫނުގެ 44 ވަނަ މާއްދާގައި ވޯޓުނަގާ ދުވަހު ކުރުން މަނާކަމަށް ބުނެފައިވާ އެއްވެސް ކަމެއް ނުކުރުން.
(ބ) މި މާއްދާގެ (ށ) ގައި ބުނެފައިވާ ގޮތުގެމަތިން އިންތިހާބު މޮނިޓަރުކުރުމަށް ހުއްދަ ދޫކޮށްފައިވާ މީހުންނަށް ވޯޓުލާ ސަރަހައްދުގައި ނުވަތަ ވޯޓުގުނާ ތަނުގައި ފޮޓޯ ނަގައި އަޑާއި މަންޒަރު ރެކޯޑްކުރެވޭނީ ތިރީގައިމިވާ ގޮތުގެމަތިންނެވެ.
- ވޯޓުލާ ސަރަހައްދުގައި ވޯޓުލާ ބޫތާ 10 ފޫޓަށްވުރެ (ދިހަ ފޫޓަށްވުރެ) ކައިރިނުވާގޮތަށް.
- ވޯޓުގުނާ މަރުކަޒުގައި ވޯޓުގުނާ މީހުންނަށް ދަތިނުވާ ގޮތަށް.
42 ވަނަ މާއްދާ - -ކެންޑިޑޭޓުންގެ މަންދޫބުން
(ހ) ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް ކުރިއަށް ދާއިރު ކެންޑިޑޭޓުންނާއި އެ ކެންޑިޑޭޓުންގެ ރަސްމީ އިންތިހާބީ އޭޖެންޓުންގެ އިތުރުން، ކެންޑިޑޭޓުންގެ މަންދޫބުންނަށް މި ގާނޫނުގެ ދަށުން ދީފައިވާ ހައްގުތައް ބޭނުންކުރެވޭނީ ނުވަތަ އެފަރާތްތަކަށް ކުރެވިދާނެކަމަށް މި ގާނޫނުގައި ބުނެފައިވާ ކަންތައްތައް ކުރެވޭނީ، އިންތިހާބުގައި ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ކެންޑިޑޭޓުން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އުސޫލެއްގެ ދަށުން އިލެކްށަންސް ކޮމިށަނުން ހުއްދަ ދޫކުރާ ފަރާތްތަކަށެވެ.
(ށ) ކެންޑިޑޭޓުންނާއި އެ ކެންޑިޑޭޓުންގެ ރަސްމީ އިންތިހާބީ އޭޖެންޓުންނާއި އެ ކެންޑިޑޭޓުންގެ މަންދޫބުންނަށް ވޯޓުލާ ސަރަހައްދުގައި ނުވަތަ ވޯޓު ގުނާ ތަނުގައި މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ހަރަކާތްތެރިވާއިރު އެކަމަށް އިލެކްށަންސް ކޮމިށަނުން ދޫކުރާ ފާހެއް އެމީހުންގެ ހެދުމުގައި ފެންނަގޮތަށް ހަރުކުރެވިފައި ހުންނަންވާނެއެވެ.
ވޯޓު ނެގުން
43 ވަނަ މާއްދާ - ވޯޓު ނަގާ ދުވަހާއި ވަގުތު
އިންތިހާބުތަކުގައި އެ އިންތިހާބެއްގައި ވޯޓު ނަގާ ދުވަހާއި، ވޯޓު ނަގާ ގަޑިއާއި، އާންމު އުސޫލެއްގެ ގޮތުން ވޯޓުނަގާ ނިންމާ ގަޑިއާއި، ވޯޓު ގުނަން ފަށާ ގަޑި ކަނޑައަޅައި އިއުލާންކުރާނީ އިލެކްށަންސް ކޮމިށަނުންނެވެ.
44 ވަނަ މާއްދާ - ވޯޓުނަގާ ދުވަހު ކުރުން މަނާ ކަންތައްތައް
(ހ) އިންތިހާބެއްގައި ވޯޓުނަގާ ދުވަހުގެ ކުރީދުވަހުގެ ހަވީރު 6.00 ން ފެށިގެން ވޯޓުނަގާ ދުވަހުގެ ފަހުދުވަހުގެ ހެނދުނު 6.00 އާ ދެމެދު، އެއްވެސް މީހަކު ތިރީގައިމިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ކޮށްގެން ނުވާނެއެވެ.
- މި ގާނޫނުގެ 28 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް.
- ދުއްވާ އެއްޗެހީގައި އިންތިހާބާބެހޭ ޕޯސްޓަރާއި ސްޓިކާއާއި އަދި ވަކި ކެންޑިޑޭޓަކަށް ނިސްބަތްވާ ލިޔުމެއް ނުވަތަ އެއްޗެއް އެއްވެސް ގޮތަކަށް ބަހައްޓައިގެން ދުއްވުން.
- އަޑުގަދަ ކުރުމަށް ބޭނުންކުރާ އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން ތާއީދު ހޯދުމަށް މަސައްކަތް ކުރުން.
(ށ) ވޯޓުނަގާ ދުވަހުގެ ކުރީދުވަހުގެ ހަވީރު 6.00 ން ފެށިގެން ވޯޓުނަގައި ނިމެންދެން ވޯޓުލާ ސަރަހައްދުގެ ތެރޭގައި، ތިރީގައިމިވާ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.
- އިންތިހާބާބެހޭ ގޮތުން އިންތިހާބުގެ ކަންތައް ހިންގާ ފަރާތުން ގެންގުޅެންޖެހޭ ލިޔުންތައް ފިޔަވައި، އިންތިހާބާބެހޭ އެއްވެސް ލިޔުމެއް، ކެންޑިޑޭޓެއްގެ ފޮޓޯއެއް، ޕޯސްޓަރެއް، ސްޓިކާއެއް، ނިށާނެއްފަދަ އެއްވެސް އެއްޗެއް ގެންގުޅުން.
- ވޯޓުލާން އަންނަ އެއްވެސް މީހަކު ވޯޓުލައި ނިމުމަށްފަހު، އެސަރަހައްދުގައި މަޑުކުރުން.
- ކެންޑިޑޭޓަކު، ވޯޓުލުމަށް ވޯޓުލާ ސަރަހައްދުގެ ތެރެއަށް ވަންނަ ވަނުމުގެ އިތުރަށް އެސަރަހައްދަށް ވަނުމާއި އެސަރަހައްދުގެ ތެރޭގައި މަޑުކުރުން.
- ވޯޓުލާން އަންނަ އެއްވެސް މީހަކު އެމީހަކަށް ދޫކުރާ ވޯޓު ކަރުދާސް ކޮޅު ހިފައިގެން އެ ސަހައްދުން ބޭރަށް ދިޔުން.
45 ވަނަ މާއްދާ - ވޯޓުލާނެ ގޮތް
(ހ) ވޯޓުލާ މީހާ، ވޯޓުކަރުދާހުގައި ފާހަގަ ޖަހަންވާނީ އެމީހަކު އަމިއްލައަށެވެ. އަދި މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ވޯޓުކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމަށް ޖިސްމާނީ ގޮތުން ނުކުޅެދިގެންވާ މީހަކަށް އެހީވެދޭ މީހާ ފިޔަވައި އެހެން އެއްވެސް މީހަކު، އަނެކެއްގެ ވޯޓުކަރުދާހުގައި ފާހަގަޖެހުމުގައި އެއްވެސް ގޮތަކުން ބައިވެރިވެގެންނުވާނެއެވެ.
(ށ) ވޯޓުކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމަށް ޖިސްމާނީގޮތުން ނުކުޅެދިގެންވާ މީހަކު ވޯޓުކަރުދާހުގައި ފާހަގަޖެހުމުގައި އެހެން މީހަކު އޭނާއަށް އެހީވެދިނުމަކީ ހުއްދަ ކަމެކެވެ. އެހެންނަމަވެސް، ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމަށް ނުކުޅެދިގެންވާ މީހަކަށް ވޯޓު ކަރުދާސްކޮޅުގައި ފާހަގަޖަހައިދިނުމުގައި ކޮންމެ މީހަކަށްވެސް އެހީވެދެވޭނީ، ހަމައެކަނި އެކަކަށެވެ.
46 ވަނަ މާއްދާ - ވޯޓުލާން ފެށުމުގެ ކުރިން ވޯޓު ކަރުދާސްތައް ގުނުން
ވޯޓުލާން ފެށުމަށް ހަމަޖެހިފައިވާ ގަޑީގެ 15 (ފަނަރަ) މިނެޓުކުރިން އެ ވޯޓު ފޮށްޓަކަށް ވޯޓުލުމަށްޓަކައި އިލެކްށަންސް ކޮމިށަނުން ފޮނުވާފައިވާ ވޯޓުކަރުދާސް ޕެކެޓްތައް ހުޅުވައި، ހުރިހާ ވޯޓުކަރުދާހެއް ވޯޓު ނެގުމުގެ ކަންތައްތައް ބަލަހައްޓަން ތިބޭ މީހުންގެ ތެރެއިން އިސްވެރިޔާ ކަނޑައަޅާ ބަޔަކު ގުނަންވާނެއެވެ. މިގޮތަށް ގުނާއިރު އެ ގަޑީގައި ކެންޑިޑޭޓުންގެ މަންދޫބުން ނުވަތަ އޮބްޒާވަރުން އެ ވޯޓު ފޮށި ކައިރީގައި ތިބިނަމަ، ވޯޓުކަރުދާސްތައް ގުނަންވާނީ އެމީހުންގެ ހާޒިރުގައެވެ.
47 ވަނަ މާއްދާ - ވޯޓުލާން ފެށުމުގެ ކުރިން ވޯޓުފޮށިތައް ޗެކްކޮށް ވޯޓުފޮށިތައް ސީލްކުރުން
(ހ) މި މާއްދާގައި ބުނެފައިވާ ގޮތުގެމަތިން ވޯޓުފޮށި ހުޅުވަންވާނީ ވޯޓުލުމަށް އެތަނަކަށް އެންމެ ފުރަތަމަ އަންނަ 2 މީހެއްގެ (ދެމީހެއްގެ) ހާޒިރުގައި އިލެކްށަންސް ކޮމިށަނުން އެކަމަށް އިސްކޮށްފައިވާ މީހެކެވެ. މީގެއިތުރުން، ވޯޓުފޮށި ހުޅުވާއިރު އެ ގަޑީގައި ކެންޑިޑޭޓުންގެ މަންދޫބުން ނުވަތަ އޮބްޒާވަރުން އެ ވޯޓު ފޮށި ކައިރީގައި ތިބިނަމަ، ވޯޓުފޮށި ހުޅުވަންވާނީ އެމީހުންގެވެސް ހާޒިރުގައެވެ.
(ށ) ވޯޓުލާން ފެށުމުގެ ކުރިން ވޯޓުލުމަށް އެންމެ ފުރަތަމަ އެތަނަކަށް އަންނަ ބައެއްގެ ހާޒިރުގައި، އެތަނަކަށް ފޮނުވާފައިވާ ވޯޓުފޮށި ހުޅުވައި، ވޯޓުފޮށީގެ އެތެރެ އެ ވަގުތު އެތަނަށް ހާޒިރުވެ ތިބިބަޔަކަށް ދައްކަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބުނެފައިވާ ގޮތުގެމަތިން ވޯޓުފޮށީގައި އެއްވެސް އެއްޗެއް ނެތްކަން އެތަނަށް އެ ވަގުތު ހާޒިރުވެ ތިބި މީހުންނަށް ޔަގީންކޮށްދިނުމަށްފަހު، ވޯޓުލާން ފެށުމުގެ ކުރިން ވޯޓުފޮށީގެ މަތިގަނޑު ޖަހައި، ވޯޓުފޮށީގެ ހަތަރު ފަރާތުގައި މަތިގަނޑާއެކު ޕުލްޓައިޓްސީލް އަޅުވައި ވޯޓު ކަރުދާސް ވައްޓާލުމަށް ވޯޓުފޮށީގެ މަތިގަނޑުން ކަނޑާފައިވާ ތަން ހުޅުވަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) އާއި (ށ) އާއި (ނ) ގައި ބުނެފައިވާ ގޮތުގެމަތިން އެތަނަކުން އެންމެ ފުރަތަމަ ވޯޓުލާން ހާޒިރުވި މީހުންގެ ތެރެއިން މަދުވެގެން 2 (ދޭއް) މީހެއްގެ ނަމާއި، އެޑްރެހާއި، އަދި އެއީ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމުގެ ނަންބަރު މި ގާނޫނުގެ 58 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރިޕޯޓުގައި ހިމަނަންވާނެއެވެ.
48 ވަނަ މާއްދާ - ވޯޓުލާން ފެށުން
(ހ) މި ގާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ ގޮތުގެމަތިން ވޯޓުފޮށީގެ ހަތަރު ފަރާތުގައި މަތިގަނޑާއެކު ޕުލްޓައިޓްސީލް އަޅުވައި ވޯޓު ކަރުދާސް ވައްޓާލުމަށް ވޯޓުފޮށީގެ މަތިގަނޑުން ކަނޑާފައިވާ ތަން ހުޅުވުމާއެކު ލަސްނުކޮށް އެ ފޮށްޓަށް ވޯޓުލާން ގޮސްތިބި މީހުންނަށް ވޯޓުލެވޭގޮތަށް މަސައްކަތް ފަށަންވާނެއެވެ.
(ށ) ވޯޓުނަގަން ފެށުމަށްފަހު މި ގާނޫނުގައިވާ ގޮތުގެމަތިން ވޯޓު ފޮށި ބަންދު ކުރަންދެން، ވޯޓު ނެގުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދަންވާނެއެވެ.
49 ވަނަ މާއްދާ - ފަސޭހައިން ވޯޓުލެވޭނެ އިންތިޒާމް ހަމަޖެއްސުން
ވޯޓު ލާން ގޮސްތިބޭ މީހުންނަށް ފަސޭހައިން ވޯޓުލެވޭނެ އިންތިޒާމް ވޯޓު ނެގުމާބެހޭ ކަންތައްތައް ބަލަހައްޓަން ތިބޭ މީހުން ހަމަޖައްސައިދޭންވާނެއެވެ. އަދި ވޯޓުލާން ދާ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށްވެސް ވީހާ ފަސޭހައިން ވޯޓުލެވޭނެ އިންތިޒާމް ހަމަޖައްސައި ދޭންވާނެއެވެ. އަދި ވޯޓު ލާން ގޮސްތިބޭ މީހުންނަށް ވޯޓުލާ ސަރަހައްދުގައި ތިބޭއިރު އުނދަގޫނުވާނެގޮތަށް ތިބެވޭނެ އިންތިޒާމްވެސް ވޯޓު ނެގުމާބެހޭ ކަންތައްތައް ބަލަހައްޓަން ތިބޭ މީހުން ހަމަޖައްސައިދޭންވާނެއެވެ.
50 ވަނަ މާއްދާ - ވޯޓު ކަރުދާސް ދޫކުރުން
(ހ) ވޯޓުލުމަށްޓަކައި ވޯޓު ކަރުދާސް ދޫކުރުމުގެ ކުރިން އެ މީހަކީ ކާކުކަން އަންގައިދިނުމަށްޓަކައި، އެ މީހަކީ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ވޯޓު ނެގުމާބެހޭ ކަންތައްތައް ބަލަހައްޓަން ތިބޭ މީހުންނަށް ދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެމަތިން އެ މީހަކީ ކާކުކަން އަންގައިދިނުމުން، އެ ފޮށްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުގައިވާ މައުލޫމާތާއި ވޯޓުކަރުދާސް ކޮޅު ދޫކުރެވޭ މީހާގެ ނަމާއި އެޑްރެސް ދިމާވޭތޯ ބަލައި ޗެކުކުރަންވާނެއެވެ.
(ނ) ކޮންމެ ސަރަހައްދެއްގައިމެ ހުންނަ ވޯޓު ފޮށްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުން ވޯޓު ކަރުދާސް ކޮޅު ދޫކުރެވޭ މީހުން ފާހަގަކުރަމުން ގެންދަންވާނެއެވެ.
(ރ) ވޯޓުލާން ދާ ކޮންމެ މީހަކަށްވެސް ދޫކުރެވެނީ އެންމެ ވޯޓު ކަރުދާސްކޮޅެއް ކަމާއި، އެމީހަކަށް އެ އިންތިހާބުގެ އެ ބުރުގައި ވޯޓުދެވޭނީ އެއް ފަހަރުކަމާއި، އެމީހަކަށް ވޯޓު ކަރުދާސްކޮޅު ދޫކުރެވުނުކަން ޔަގީންކުރުމަށްޓަކައި، ވޯޓުލާން ދާ މީހާގެ އިނގިލީގައި އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ގޮތެއްގެމަތިން ފާހަގަޖަހަންވާނެއެވެ.
(ބ) މި މާއްދާގެ (ހ) އާއި (ށ) އާއި (ނ) އާއި (ރ) ގައިވާ ކަންތައްތައް ފުރިހަމަ ކުރުމަށްފަހު، އެ ވޯޓުފޮށްޓަށް ވޯޓުލުމަށްޓަކައި އިލެކްށަންސް ކޮމިށަނުން ފޮނުވާފައިވާ ވޯޓުކަރުދާސް ދޫކުރަންވާނީ ވޯޓުލާ މީހާގެ އަތަށެވެ.
(ޅ) ވޯޓުލާ މީހާއަށް ވޯޓު ކަރުދާސް ދޫކުރުމަށްފަހު، އެމީހާއަށް ވޯޓުކަރުދާސް ދޫކުރިކަން ފާހަގަކުރުމަށްޓަކައި އެ ފޮށްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓްގައި އެކަން އެނގޭގޮތަށް ދެވަނަ ފަހަރަށް ފާހަގަކުރަންޖެހޭނެއެވެ.
51 ވަނަ މާއްދާ – ވޯޓުލުން
(ހ) އިންތިހާބެއްގައި ވޯޓުދޭނީ، އެ އިންތިހާބެއްގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އެމީހަކަށް ފެންނަ މީހަކަށެވެ. މިގޮތުން ވޯޓު ދިނުން ފުރިހަމަވާނީ ވޯޓުލާ މީހާއަތަށް ދޫކުރާ ވޯޓުކަރުދާސްކޮޅުގައި، މި މާއްދާގައިވާ ގޮތުގެމަތިން، އެމީހަކަށް ފެންނަ ކެންޑިޑޭޓުގެ ނަމާ ދިމާގައި ރަނގަޅު ފާހަގަޖަހައި ވޯޓުކަރުދާސްކޮޅު ވޯޓުފޮށްޓަށް ވައްޓާލުމުންނެވެ.
(ށ) ވޯޓުލާ މީހާއަތަށް ދޫކުރާ ވޯޓުކަރުދާސްކޮޅުގައި ރަނގަޅު ފާހަގަޖަހާނީ ވޯޓުލާ ސަރަހައްދުގައި ހުންނަ ވޯޓިންގ ބޫތު ތެރޭގައެވެ.
(ނ) ވޯޓުލާން އަންނަ މީހަކު ވޯޓުކަރުދާސްކޮޅު އެމީހެއްގެ އަތަށް ލިބުމުން ލަސްނުކޮށް މި މާއްދާގައިވާ ގޮތުގެމަތިން ވޯޓުލުން ފުރިހަމަކުރަންވާނެއެވެ. އަދި އެމީހަކު ވޯޓުލުމަށްފަހު ވޯޓުލާ ސަރަހައްދުން ވީ އެންމެ އަވަހަކަށް ނުކުންނަންވާނެއެވެ.
(ރ) ވޯޓުލާން އަންނަ މީހަކު ވޯޓުލާ ސަރަހައްދުގައި އެއްވެސް ހާލެއްގައި އަދި އެއްވެސް ސިފައެއްގައި ކެމެރާއަކުން ނުވަތަ ފޯނަކުން ނުވަތަ އެބާވަތުގެ އެހެންވެސް ވަސީލަތެއް ބޭނުން ކޮށްގެން ފޮޓޯ ނެގުމާއި މަންޒަރާއި އަޑު ރެކޯޑު ކުރުމަކީ މަނާކަމެކެވެ.
52 ވަނަ މާއްދާ - ވޯޓުނަގާ ނިންމުން
(ހ) އިންތިހާބެއްގައި ވޯޓުނެގުން ނިންމާ ގަޑިކަމަށް އިލެކްށަންސް ކޮމިށަނުން އިއުލާންކޮށްފައިވާ ގަޑިޖެހުމުން، މި މާއްދާގެ (ށ) ގައި ބުނެފައިވާ ހާލަތުގައި ފިޔަވައި، ވޯޓުނެގުން ނިންމައި ވޯޓުފޮށި ބަންދުކުރަންވާނެއެވެ.
(ށ) އިންތިހާބެއްގައި ވޯޓުނެގުން ނިންމާ ގަޑިކަމަށް އިލެކްށަންސް ކޮމިށަނުން އިއުލާންކޮށްފައިވާ ގަޑިޖެހޭއިރު، ވޯޓުލާން ބަޔަކު އައިސް ކިޔޫގައި ތިބިނަމަ، އެބަޔަކު ވޯޓުލައި ނިމެންދެން ވޯޓުފޮށި ބަންދުނުކޮށް ބަހައްޓަންވާނެއެވެ. އަދި މިގޮތުން ވޯޓުލާން އައިސް ކިޔޫގައި ތިބި އެންމެން ވޯޓުލާ ނިމުމުން ވޯޓުފޮށި ބަންދުކުރަންވާނެއެވެ.
(ނ) އިންތިހާބެއްގައި ވޯޓުނެގުން ނިންމާ ގަޑިކަމަށް އިލެކްށަންސް ކޮމިށަނުން އިއުލާންކޮށްފައިވާ ގަޑިޖެހުމުގެ ކުރިން، އެރަށެއްގައި ނުވަތަ ވޯޓުލާ އެސަރަހައްދެއްގައި ނުވަތަ އެތަނެއްގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ އެންމެން ވޯޓުލައި ނިމިއްޖެނަމަ އަދި އެ ވަގުތު ވޯޓު ދޭ ސަރަހައްދުގައި ވޯޓުލާން ބޭނުންވާ މީހަކު ނުވަތަ ބަޔަކު ނެތްނަމަ
އެ ހާލަތުގައި ވޯޓުލުން ނިންމައި ވޯޓުފޮށި ބަންދުކުރުމަކީ، ހުއްދަ ކަމެކެވެ. އެހެންނަމަވެސް، މިފަދަ ހާލަތެއްގައިވެސް ވޯޓު ގުނަންފަށަންވާނީ ވޯޓު ގުނަން ފެށުމަށް އިލެކްށަންސް ކޮމިށަނުން އިއުލާންކޮށްފައިވާ ވަގުތުގައެވެ.
(ރ) މި މާއްދާގެ (ހ) އާއި (ށ) އާއި (ނ) ގައިވާ ގޮތުގެމަތިން ވޯޓު ފޮށި ބަންދުކުރުމަށްފަހު، ވޯޓު ނެގުން ނިންމަންވާނީ "ވޯޓުނެގުން ބަންދުވީ" މިފަދައިން ލިޔެފައިވާ ލިޔުމެއް ވޯޓުފޮށި ކައިރީގައި ބެހެއްޓުމަށްފަހުގައެވެ. އަދި މިގޮތުގެމަތިން ވޯޓުނެގުން ބަންދުވީކަމަށް ލިޔެފައިވާ ބޯޑު ބެހެއްޓުމަށްފަހު ވޯޓުނެގުމަކީ މަނާކަމެކެވެ.
53 ވަނަ މާއްދާ - ވޯޓުފޮށި ބަންދުކުރުން
(ހ) ވޯޓުނެގުން ނިމުމުން ވޯޓުކަރުދާސްކޮޅު ވައްޓާލުމަށް ވޯޓުފޮށީގެ މަތިގަނޑުން ކަނޑާލާފައިވާ ތަން ބަންދުކުރުމަށްފަހު އެތަނުގައި ޕްލާސްޓިކް ޕުލްޓައިޓްސީލް އަޅުވައި ވޯޓުފޮށި ބަންދުކުރަންވާނެއެވެ.
(ށ) ވޯޓުނެގުން ނިމުމުން ވޯޓުފޮށި ބަންދުކުރުމާއެކު، ވޯޓުނެގުމަށް ބޭނުންކުރި ތަކެއްޗާއި، ބާކީހުރި ވޯޓުކަރުދާހާއި، ކައުންޓަރ ފޮއިލް، އެކަމަށް ހާއްސަކުރެވިފައިވާ ސެކިއުރިޓީ އުރައިގައި ބަންދުކޮށް ސީލްކުރަންވާނެއެވެ. މިގޮތަށް އެތަކެތި ބަންދުކޮށް ސީލްކުރާއިރު އެ ގަޑީގައި ކެންޑިޑޭޓުންގެ މަންދޫބުން ނުވަތަ އޮބްޒާވަރުން އެ ވޯޓު ފޮށި ކައިރީގައި ތިބިނަމަ، އެކަންތައްތައް ކުރަންވާނީ އެމީހުންގެ ހާޒިރުގައެވެ.
ވޯޓު ގުނުމާއި ނަތީޖާ އިއުލާންކުރުން
54 ވަނަ މާއްދާ - ވޯޓުގުނަން ފެށުން
(ހ) މި ގާނޫނުގެ 52 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން ވޯޓުނަގައި ނިމި، މި ގާނޫނުގެ 53 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން ވޯޓުފޮށި ބަންދުކުރުމަށްފަހު، އިލެކްށަންސް ކޮމިށަނުން ވޯޓު ގުނުމަށް އިއުލާންކޮށްފައިވާ ގަޑިޖެހުމުން ވޯޓުފޮށި އަލުން ހުޅުވައި، ވޯޓުލާ ކޮންމެ މަރުކަޒެއްގައި ލަސްނުކޮށް ވޯޓު ގުނަން ފަށަންވާނެއެވެ.
(ށ) ވޯޓު ގުނުމަށް އިލެކްށަންސް ކޮމިށަނުން އިއުލާންކޮށްފައިވާ ގަޑިޖެހޭއިރު އެ މަރުކަޒެއްގައި ވޯޓުނަގާ ނުނިމޭނަމަ، ވޯޓު ގުނަން ފަށާނީ، މި ގާނޫނުގެ 52 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ގޮތުގެމަތިން ވޯޓުނަގާ ނިންމުމަށްފަހު މި ގާނޫނުގެ 53 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން ވޯޓުފޮށި ބަންދުކޮށް، އެ ވޯޓުފޮށި އަލުން ހުޅުވައި، ވީއެންމެ އަވަހަކަށެވެ.
55 ވަނަ މާއްދާ - ވޯޓުފޮށި ހުޅުވައި، ވޯޓުތައް ބަލައި، ވޯޓު ގުނައި، އަދަދުކޮށް ނަތީޖާ ހޯދުން
(ހ) ވޯޓު ގުނުމަށްޓަކައި ވޯޓުފޮށި ހުޅުވައި، ވޯޓުތައް ބަލައި، ވޯޓު ގުނައި، އަދަދުކޮށް، ނަތީޖާ ހޯދާނީ، ވޯޓުލާ އެ މަރުކަޒަކަށް އިލެކްށަންސް ކޮމިށަނުން އައްޔަންކޮށްފައިވާ އިސް ފަރާތުގެ ބެލުމުގެ ދަށުން، އެ މަރުކަޒެއްގައި ވޯޓު ނެގުމާބެހޭ ކަންތައްތައް ބަލަހައްޓަން ތިބޭ މީހުންގެ ތެރެއިން ވޯޓުގުނުމަށް އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ބަޔެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެމަތިން ވޯޓު ގުނައި އަދަދުކުރުމަށްފަހު، ވޯޓުލާ އެ މަރުކަޒެއްގެ ނަތީޖާ އިއުލާންކުރުމުގެ ކުރިން، ވޯޓުލާ އެ މަރުކަޒަށް އިލެކްށަންސް ކޮމިށަނުން އައްޔަންކޮށްފައިވާ އިސް ފަރާތާއި، އެ މަރުކަޒެއްގައި ވޯޓު ގުނުމުގައި ބައިވެރިވި މީހުންގެ ތެރެއިން މަދުވެގެން 2 މީހުން (ދެ މީހުން) ނަތީޖާ ށީޓުގައި ސޮއިކުރަންވާނެއެވެ.
(ނ) ވޯޓު ގުނުމަށްޓަކައި، ވޯޓުފޮށި ހުޅުވައި، ވޯޓުތައް ބަލައި، ވޯޓު ގުނައި، އަދަދުކޮށް ނަތީޖާ ހޯދައި، ނަތީޖާ އިއުލާންކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ވޯޓުލާ އެ މަރުކަޒެއްގައި އެކަންކަން ކުރާތަން ރަނގަޅަށް އަދި ވީހާވެސް ގާތުން ފެންނަ ތަނެއްގައި ތިބެގެން އެ މަރުކަޒެއްގައި ކަންހިނގާގޮތް ބެލުމުގެ ފުރުސަތު، ކެންޑިޑޭޓުންނަށާއި، ކެންޑިޑޭޓުންގެ ރަސްމީ އިންތިހާބީ އޭޖެންޓުންނަށާއި، ކެންޑިޑޭޓުންގެ މަންދޫބުންނަށާއި، އިންތިހާބުގެ އޮބްޒާވަރުންނަށާއި، އިންތިހާބު މޮނިޓަރުކުރުމަށް އިލެކްށަންސް ކޮމިށަނުން ހުއްދަދޫކޮށްފައިވާ މީހުންނަށް ލިބިގެންވެއެވެ.
(ރ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެމަތިން ވޯޓު ގުނުމަށްޓަކައި، ވޯޓުފޮށި ހުޅުވައި، ވޯޓުތައް ބަލައި، ވޯޓު ގުނައި، އަދަދުކޮށް، ނަތީޖާ ހޯދައި، ނަތީޖާ އިއުލާންކުރުމުގެ މަސައްކަތް ކުރިއަށްގެންދަންވާނީ، ވޯޓުލާ އެ މަރުކަޒެއްގައި އެއްވެސް ކެންޑިޑޭޓެއް، ކެންޑިޑޭޓެއްގެ ރަސްމީ އިންތިހާބީ އޭޖެންޓެއް އަދި ކެންޑިޑޭޓެއްގެ މަންދޫބަކު ހާޒިރުވެ ނެތްނަމަ، އެ ފޮށްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން މަދުވެގެން 3 މީހެއްގެ (ތިން މީހެއްގެ) ހާޒިރުގައެވެ. މިގޮތުން ވޯޓުލާ އެ މަރުކަޒަށް އިލެކްށަންސް ކޮމިށަނުން އައްޔަންކޮށްފައިވާ އިސް ފަރާތުން އެ ފޮށްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން މަދުވެގެން 3 މީހެއް (ތިން މީހެއް) އެ ގަޑިއަށް ވޯޓުލާ އެ މަރުކަޒަކަށް އައުމަށް ދައުވަތުދޭންވާނެއެވެ.
(ބ) މި މާއްދާގެ (ނ) އަދި (ރ) ގައި ބުނެފައިވާ ފަރާތްތަކުން އެ އަކުރުތަކުގައި ބުނެފައިވާ ގޮތުގެމަތިން ކަންހިނގާގޮތް ބެލުމުގައި، ވޯޓު ގުނުމުގައި ހަރަކާތްތެރިވާ އެއްވެސް މީހެއްގެ މަސައްކަތަށް ދަތިވާފަދަ އެއްވެސް ކަމެއް ކޮށްގެންނުވާނެއެވެ.
56 ވަނަ މާއްދާ - ބާތިލް ވޯޓު
(ހ) ވޯޓުގުނުމުގައި ތިރީގައިމިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް އޮންނަ ކޮންމެ ވޯޓަކީ، ބާތިލު ވޯޓެކެވެ.
- މި ގާނޫނުގެ 36 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިލެކްށަންސް ކޮމިށަނުން ތައްޔާރުކޮށްފައިވާ ވޯޓުކަރުދާސް ނޫން އެހެން ކަރުދާހެއްގައި ދީފައިވާ ވޯޓު.
- އެއްވެސް ފާހަގައެއް ޖަހާފައިނުވާ ވޯޓު.
- ގާނޫނާ ހިލާފަށް ދީފައިވާ ވޯޓެއްކަން އެނގޭ ވޯޓު.
- އަދި މިނޫންވެސް، އެ އިންތިހާބަކާގުޅޭ ހާއްސަ ގާނޫނެއްގައި ބާތިލް ވޯޓުކަމަށް ކަނޑައަޅާފައިވާ ވޯޓު.
(ށ) އިންތިހާބެއްގައި ވޯޓުދިން މީހުންގެ އަދަދު ކަނޑައެޅުމުގައި ބާތިލު ވޯޓު ހިމަނައިގެންނުވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ބާތިލް ވޯޓެއްކަމަށް ކަނޑައެޅުމުގައި ވޯޓުގުނުމުގެ މަސައްކަތުގައި ބައިވެރިވާ މީހުންގެ ނިންމުމާމެދު ށަކުވާކުރުމުގެ ހައްގު ވޯޓުގުނާ ތާނގައި ހާޒިރުވެހުރި ކެންޑިޑޭޓަށް ނުވަތަ ކެންޑިޑޭޓުގެ މަންދޫބަށް ލިބިގެންވެއެވެ.
(ރ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ބާތިލް ވޯޓެއްކަމަށް، ކަނޑައެޅުމުގައި ހިލާފެއް އުފެދިއްޖެ ހިނދެއްގައި އެ ވޯޓު އެއީ ބާތިލް ވޯޓެއްކަން ނުވަތަ ބާތިލްވޯޓެއް ނޫންކަން ކަނޑައަޅާނީ ވޯޓުލާ އެ މަރުކަޒަކަށް އިލެކްށަންސް ކޮމިށަނުން އައްޔަންކޮށްފައިވާ އިސް މީހާއެވެ. އަދި މިގޮތުން އެކަމާމެދު ށަކުވާ އުފުލި ފަރާތާއި އެކަން ނިންމިގޮތް މި ގާނޫނުގެ 58 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރިޕޯޓުގައި ހިމަނަންވާނެއެވެ.
(ބ) މި މާއްދާގެ (ހ) އާއި (ނ) ގައިވާ ގޮތުގެމަތިން ބާތިލް ވޯޓުކަމަށް ކަނޑައަޅާފައިވާ ވޯޓުތައް، މި ގާނޫނުގެ 55 ވަނަ މާއްދާގެ (ނ) އާއި (ރ) ގެ ދަށުން އެ މަރުކަޒެއްގައި ކަންހިނގާގޮތް ބެލުމަށް ތިބި ބަޔަކަށް ދައްކަންވާނެއެވެ.
57 ވަނަ މާއްދާ - ވޯޓުލާ މަރުކަޒުތަކުގެ ވަގުތީ ނަތީޖާ އިއުލާންކުރުން
(ހ) މި ގާނޫނުގެ 55 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ގޮތުގެމަތިން ވޯޓުލާ އެ މަރުކަޒެއްގެ ނަތީޖާ ށީޓުގައި އެ މާއްދާގައި ބުނެފައިވާ ފަރާތްތަކުން ސޮއިކުރުމަށްފަހު، އެ މަރުކަޒުގެ ވަގުތީ ނަތީޖާ ވަގުތުން އެ މަރުކަޒުގައި އިއުލާންކޮށް، އާންމުކޮށް ފެންނަގޮތަށް އެ މަރުކަޒުގައި ބަހައްޓަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ވޯޓުލާ އެ މަރުކަޒެއްގެ ވަގުތީ ނަތީޖާ އެ މަރުކަޒުގައި އާންމުކޮށް އިއުލާންކުރުމާއެކު، ލަސްނުކޮށް އިލެކްށަންސް ކޮމިށަނުން ކަނޑައަޅާފައިވާ ގޮތެއްގެމަތިން މާލޭގައި ހުންނަ ވޯޓާބެހޭ މައި މަރުކަޒަށް އެ ނަތީޖާ ފޮނުވަންވާނެއެވެ.
58 ވަނަ މާއްދާ - ކަންހިނގާދިޔަ ގޮތުގެ ރިޕޯޓު
ވޯޓު ނަގާ ކޮންމެ ސަރަހައްދެއްގައި، ވޯޓު ނަގަން ފެށުމާއި ވޯޓު ނަގައި ނިމުމާ ދެމެދު ކަންތައްތައް ހިނގާދިޔަގޮތުގެ ރިޕޯޓު ލިޔެ އަންނަނިވި ހުރިހާ މައުލޫމާތު ހިމަނައިގެން އެސަރަހައްދަކާ ހަވާލުވެ ހުރި އެންމެ އިސް މީހަކާއި، އެ ރިޕޯޓު ލިޔުނު މީހަކާއި، އެ ރިޕޯޓު ޗެކްކުރި މީހަކު ސޮއިކުރުމަށްފަހު މާލޭގައި ހުންނަ ވޯޓާބެހޭ މައި މަރުކަޒަށް އެ ރިޕޯޓު ފޮނުވަންވާނެއެވެ.
(ހ) ވޯޓުދޭން ފެށިވަގުތާއި، ވޯޓުނެގުން ނިންމިގަޑި.
(ށ) ވޯޓު ނެގުމުގެ ކަންތައްތައް ހިންގާ ބެލެހެއްޓުމަށް އައްޔަންކޮށްފައިވާ މީހުންގެ ނަމާއި، އެޑްރެހާއި، ހައިސިއްޔަތާއި، އެމީހުންގެ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމުގެ ނަންބަރާއި އަދި އެމީހުންގެ ސޮއި.
(ނ) ވޯޓު ދިން މީހުންގެ އަދަދު (އަންހެން ފިރިހެން ވަކިން އެނގޭގޮތަށް) .
(ރ) މި ގާނޫނުގެ 45 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ގޮތުގެމަތިން ވޯޓު ދިން މީހުންގެ އަދަދާއި އެމީހުން ހާލަތާއި އެމީހުންނަށް އެހީތެރިވެދިން މީހުންގެ އަދަދާއި ތަފްސީލު.
(ބ) ވޯޓުލުމަށް ބޭނުންކުރި ވޯޓު ކަރުދާހުގެ އަދަދާއި ވޯޓުލުމަށް ބޭނުންނުކޮށް ބާކީހުރި ވޯޓު ކަރުދާހުގެ އަދަދު (އަދި އެއްވެސް ސަބަބަކާހުރެ ވޯޓުކަރުދާސްކޮޅެއް ހަލާކުވިނަމަ އެ ހަލާކުވި ވޯޓުކަރުދާހުގެ އަދަދުވެސް އެނގޭގޮތަށް) .
(ޅ) ވޯޓުލުމަށް ބޭނުންކުރި ވޯޓުކަރުދާހުގެ ކައުންޓަރ ފޮއިލް ހުރި އަދަދު.
(ކ) ވޯޓު ފޮށި ބަހައްޓާފައި ހުރި ތަނުގެ ނަމާއި ފުރިހަމަ އެޑްރެސް.
(އ) އާދަޔާ ހިލާފު ހާދިސާއެއް އެތަނުގައި ހިނގާފައިވާނަމަ އެ ހާދިސާއެއްގެ ތަފްސީލު.
(ވ) އެރަށަކުން ނުވަތަ އެސަރަހައްދަކުން ނުވަތަ އެތަނަކުން ވޯޓުދޭން އެންމެ ފުރަތަމަ ހާޒިރުވި 2 މީހެއްގެ (ދެ މީހެއްގެ) ނަމާއި، އެޑްރެހާއި، އަދި ކާކުކަން އަންގައިދޭ ރަސްމީ ލިޔުމުގެ ނަންބަރު.
(މ) އޮބްޒާވަރުން ދިޔަ ނަމަ، އެމީހުންގެ މައުލޫމާތު.
59 ވަނަ މާއްދާ - ވޯޓު ކަރުދާހާއި ބާކީ ހުރި ތަކެތި ސެކިއުރިޓީ އުރައަށް ލައި ވޯޓާބެހޭ މައި މަރުކަޒަށް ފޮނުވުން
(ހ) ކޮންމެ ވޯޓުފޮށްޓެއްގެ ވޯޓު ގުނައި ނިމި އެ ފޮށްޓެއްގެ ނަތީޖާ އެ މަރުކަޒެއްގައި އިއުލާންކޮށް ނިމުމުން ލަސްނުކޮށް އެ ފޮށްޓަކަށް ލާފައިވާ ވޯޓުކަރުދާސް، ވޯޓުކަރުދާސް ބަންދުކުރުމަށް ހާއްސަ ކުރެވިފައިވާ ސެކިއުރިޓީ އުރައިގައި ބަންދު ކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ސެކިއުރިޓީ އުރަ ބަންދުކުރުމަށްފަހު، އަންނަނިވި ތަކެތި އެކަމަށް ހާއްސަކުރެވިފައިވާ ސެކިއުރިޓީ އުރައިގައި ބަންދުކުރުމަށްފަހު އެތަކެތި ލަސްނުކޮށް މާލޭގައި ހުންނަ ވޯޓާބެހޭ މައި މަރުކަޒަށް ފޮނުވަންވާނެއެވެ.
- ވޯޓެނެގުމުގައި ބޭނުންކުރި ތަކެތި.
- ބާކީހުރި ވޯޓުކަރުދާހާއި އެ ކަރުދާހުގެ ކައުންޓަރ ފޮއިލް.
- ވޯޓުގުނާފައިވާ ވޯޓުކަރުދާސް.
- ވޯޓުލުމަށް ބޭނުންކުރި ވޯޓުލާ ކަރުދާހުގެ ކައުންޓަރ ފޮއިލް.
- ހަލާކުވެފައިވާ ވޯޓުކަރުދާސް ހުރިނަމަ އެ ކަރުދާސް.
- ވަގުތީ ނަތީޖާ ށީޓްތައް.
(ނ) ވޯޓުލާ މަރުކަޒުތަކުން ވޯޓާބެހޭ ތަކެތި މާލޭގައި ހުންނަ ވޯޓާބެހޭ މައި މަރުކަޒަށް ފޮނުވާނީ އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ މަދުވެގެން 3 މީހުންގެ (ތިން މީހުންގެ) ހަވާލުގައެވެ.
(ރ) ވޯޓާބެހޭ ތަކެއްޗާއެކު ފޮނުވާ ލިޔުމުގައި މި މާއްދާގެ (ނ) ގައި ބުނެފައިވާ މީހުންގެ ނަމާއި އެޑްރެސް، އަދި ކާކުކަން އަންގައިދޭ ރަސްމީ ލިޔުމުގެ ނަންބަރާއި އަދާކުރާ ވަޒީފާ ބަޔާންކުރަންވާނެއެވެ.
(ބ) މި މާއްދާގެ (ށ) ގައި ބުނެފައިވާ ވޯޓާބެހޭ ތަކެތީގެ އިތުރުން، ތިރީގައި މިވާތަކެތި މާލޭގައި ހުންނަ ވޯޓާބެހޭ މައި މަރުކަޒަށް ފޮނުވަންވާނެއެވެ.
- ވޯޓާބެހޭ ތަކެއްޗާ ހަވާލުކޮށް ފޮނުވާ މީހުންނާ އެތަކެތި ހަވާލުކުރިކަމުގެ ލިޔުން.
- ވޯޓުދިން މީހުންގެ ލިސްޓް (އަންހެން ފިރިހެން ވަކިން އެނގޭގޮތަށް) .
- މި ގާނޫނުގެ 58 ވަނަ މާއްދާގައި ބުނެފައިވާ ކަންހިނގާދިޔަ ގޮތުގެ ރިޕޯޓު.
60 ވަނަ މާއްދާ - އިންތިހާބީ ދާއިރާތަކުގެ ވަގުތީ ނަތީޖާ އިއުލާންކުރުން
ވޯޓުލާ މަރުކަޒުތަކުން ވޯޓުގެ ނަތީޖާ ސާފުކޮށް އިއުލާންކުރުމަށްފަހު މި ގާނޫނުގެ 57 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އެ ނަތީޖާ މާލޭގައި ހުންނަ ވޯޓާބެހޭ މައި މަރުކަޒަށް ފޮނުވުމުން، އިލެކްށަންސް ކޮމިށަނުން ވޯޓުލާ މަރުކަޒުތަކުގެ ވަގުތީ ނަތީޖާ އާއި އެ ނަތީޖާތަކުގެ މައްޗަށް ބިނާކޮށް އިންތިހާބީ ދާއިރާތަކުގެ ވަގުތީ ނަތީޖާ އާންމުކޮށް އިއުލާންކުރަންވާނެއެވެ.
61 ވަނަ މާއްދާ - ރަސްމީ ނަތީޖާ ގެޒެޓްގައި ށާއިއުކުރުން
އެ އިންތިހާބެއްގެ އެންމެހައި ނަތީޖާ ސާފުކުރުމަށްފަހު، ވޯޓުލުން ބާއްވާ ދުވަހުން ފެށިގެން ގިނަވެގެން 7 ދުވަހުގެ (ހަތްދުވަހުގެ) ތެރޭގައި އެ އިންތިހާބެއްގެ ރަސްމީ ނަތީޖާ އިލެކްށަންސް ކޮމިށަނުން އާންމުކޮށް އިއުލާންކޮށް ސަރުކާރުގެ ގެޒެޓްގައި ށާއިއުކުރަންވާނެއެވެ. އަދި އެ އިންތިހާބެއްގައި އިންތިހާބުވި ފަރާތްތައްވެސް އެ އިއުލާންގައި ހާމަކުރަންވާނެއެވެ.
އިންތިހާބާބެހޭ ށަކުވާ
62 ވަނަ މާއްދާ - ށަކުވާ ބެލޭނެ ނިޒާމު ގާއިމުކުރުން
އިންތިހާބެއް ހިނގަމުންދާއިރު، އެ އިންތިހާބަކާ ގުޅޭ އެއްވެސް ކަމަކާ ގުޅިގެން ށަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ފަސޭހައިން އެ ށަކުވާ ހުށަހެޅޭނެ އަދި އެ ށަކުވާތައް އަވަހަށް ބަލައި ފިޔަވަޅުއެޅޭނެ ނިޒާމެއް އިލެކްށަންސް ކޮމިށަނުން ގާއިމުކުރަންޖެހޭނެއެވެ.
63 ވަނަ މާއްދާ - ށަކުވާ ހުށަހެޅުމުގެ ހައްގު ލިބިގެންވާ ފަރާތްތައް
މި ގާނޫނުގެ 62 ވަނަ މާއްދާގެ ދަށުން އިންތިހާބާ ގުޅޭ ށަކުވާ ހުށަހެޅުމުގެ ހައްގު އަންނަނިވި ފަރާތްތަކަށް ލިބިގެންވެއެވެ.
(ހ) އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ ކޮންމެ މީހެއް.
(ށ) އިންތިހާބުގައި ވާދަކުރާ ކޮންމެ ކެންޑިޑޭޓެއް.
(ނ) ސިޔާސީ ޕާޓީތައް.
(ރ) މި ގާނޫނުގެ ދަށުން އިލެކްށަންސް ކޮމިށަނުން ހުއްދަދީފައިވާ އިންތިހާބުގެ އޮބްޒާވަރުންނާއި އިންތިހާބު މޮނިޓަރުކުރާ މީހުން.
(ބ) އިންތިހާބާބެހޭ ކަންކަން ހިންގައި ބަލަހައްޓަން ތިބޭ މީހުން.
64 ވަނަ މާއްދާ - މައްސަލަ ހުށަހެޅުން
(ހ) މި ގާނޫނާއި ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާއި ނުވަތަ އެ އިންތިހާބަކާބެހޭ ހާއްސަ ގާނޫނާއި ނުވަތަ އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ، ނުވަތަ އިންތިހާބާ ގުޅިގެން މި ގާނޫނުގެ 62 ވަނަ މާއްދާގެ ދަށުން އިލެކްށަންސް ކޮމިށަނަށް ހުށަހެޅި ށަކުވާއަކާ ގުޅިގެން އެ ކޮމިށަނުން ނިންމި ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ، ނުވަތަ އިންތިހާބުގެ ނަތީޖާއާމެދު ހިތްހަމަނުޖެހޭނަމަ، އެ މައްސަލައަކާމެދު ގޮތެއް ނިންމައިދިނުން އެދި އެފަރާތަކުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހައިކޯޓަށް މައްސަލަ ހުށަހެޅުމުގެ ހައްގު މި ގާނޫނުގެ 63 ވަނަ މާއްދާގައި ބުނެފައިވާ ކޮންމެ ފަރާތަކަށްވެސް ލިބިގެންވެއެވެ. އެހެންނަމަވެސް، މި ގާނޫނާއި ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ ނުވަތަ އެ އިންތިހާބަކާބެހޭ ހާއްސަ ގާނޫނާއި ނުވަތަ އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދާ ހިލާފަށް ޖިނާއީ ކުށެއް އެއްވެސް ފަރާތަކުން ކޮށްފި ކަމުގެ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލް މެދުވެރިކޮށް ހައިކޯޓަށް ހުށަހެޅުމުގެ އިހްތިޔާރު ލިބިގެންވަނީ އިލެކްށަންސް ކޮމިށަނަށެވެ.
(ނ) މި މާއްދާގެ (ހ) ނުވަތަ (ށ) ގެ ދަށުން ހައިކޯޓަށް މައްސަލައެއް ހުށަހަޅާނަމަ ސަބަބާއި، ތަފްސީލާއި ހެއްކާއެކު އެ އިންތިހާބެއްގެ ރަސްމީ ނަތީޖާ އިއުލާންކުރާތާ ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ހައިކޯޓަށް އެ މައްސަލައެއް ހުށަހަޅަންވާނެއެވެ.
65 ވަނަ މާއްދާ - އިންތިހާބު ބާތިލުކުރުން
(ހ) އިންތިހާބެއްގެ ރަސްމީ ނަތީޖާ މި ގާނޫނުގައިވާ ގޮތުގެމަތިން އިއުލާންކޮށްފައިވަނިކޮށް، މި ގާނޫނުގެ 64 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން ށަރީއަތަށް ހުށަހަޅާ މައްސަލައެއްގައި ތިރީގައިމިވާ ސަބަބުތަކުގެ ތެރެއިން ސަބަބެއް މެދުވެރިވެގެން، ވޯޓުލާ ސަރަހައްދެއްގެ އިންތިހާބުގެ ނަތީޖާއަށް އެކަށީގެންނުވާ އަސަރެއް ފޯރާފައިވާކަމަށް ށަރީއަތަށް ސާބިތުވެ، އަދި އެކަމުގެ ސަބަބުން އިންތިހާބުގެ ނަތީޖާއަށް ބަދަލު އަތުވެދާނެކަމަށް ށަރީއަތުން ކަނޑައަޅައިފިނަމަ، އެސަރަހައްދެއްގެ އިންތިހާބު ބާތިލުކޮށް، އަލުން އިންތިހާބު ބާއްވަންވާނެއެވެ.
- އިންތިހާބުގެ ތެރޭގައި އެކަށީގެންނުވާ ނުފޫޒެއް ފޯރުވުން.
- އިންތިހާބީ ހައްގެއްގެ ފައިދާ، ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ލެންބުމަށްޓަކައި ރިށްވަތު ދިނުން.
- މި ގާނޫނާއި ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާއި ނުވަތަ އެ އިންތިހާބަކާބެހޭ ހާއްސަ ގާނޫނާއި ނުވަތަ އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދާ ހިލާފަށް އަމަލުކުރުން.
(ށ) މި ގާނޫނުގެ 64 ވަނަ މާއްދާގެ ދަށުން ހައިކޯޓަށް ހުށަހަޅާ މައްސަލައަކާމެދު، އެ އިންތިހާބެއްގެ ރަސްމީ ނަތީޖާ އިއުލާންކުރާތާ ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ހައިކޯޓުން ގޮތެއް ކަނޑައަޅަންވާނެއެވެ.
66 ވަނަ މާއްދާ - ރަސްމީ އިންތިހާބީ އޭޖެންޓުގެ ޒިންމާ
ކޮންމެ ކެންޑިޑޭޓެއްގެ އިންތިހާބާގުޅޭ މާލީ އެންމެހައި ކަންކަން ބަލަހައްޓައި، އެކަންކަމާ ގުޅޭގޮތުން މި ގާނޫނުގައިވާ ގޮތުގެމަތިން ރިޕޯޓު ކުރުމަކީ މި ގާނޫނުގެ ދަށުން އެ ކެންޑިޑޭޓަކު އައްޔަންކުރާ ރަސްމީ އިންތިހާބީ އޭޖެންޓުގެ ޒިންމާއެކެވެ.
ފައިސާއާއި މާލީކަންކަން
67 ވަނަ މާއްދާ - އިންތިހާބަށް ހާއްސަ ބޭންކް އެކައުންޓް
(ހ) ކޮންމެ ކެންޑިޑޭޓެއްގެ އިންތިހާބާގުޅޭ އެންމެހައި ހަރަދުތައް ކުރުމަށްޓަކައި އެކަމަށް ހާއްސަކުރާ އެކައުންޓެއް ދިވެހިރާއްޖޭގައި ހިންގާ ބޭންކެއްގައި ކޮންމެ ކެންޑިޑޭޓެއްގެ ނަމުގައި ހުޅުވަންވާނެއެވެ.
(ށ) ކޮންމެ ކެންޑިޑޭޓަކުވެސް އިންތިހާބާ ގުޅިގެން ކުރާ އެންމެހައި ހަރަދެއް ކުރަންވާނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެކައުންޓް މެދުވެރިކޮށެވެ. އަދި އެކެންޑިޑޭޓަކަށް އެ އިންތިހާބާ ގުޅިގެން ލިބޭ އެންމެހައި ފައިސާގެ އެހީވެސް ޖަމާކުރަންވާނީ އެ އެކައުންޓަށެވެ.
68 ވަނަ މާއްދާ - ކެންޑިޑޭޓަށް ލިބޭ އެހީއާއި ފައިސާ ބަލައިގަތުމާއި، ހަރުދަކުރުން
(ހ) އިންތިހާބާ ގުޅިގެން ކެންޑިޑޭޓަކަށް ލިބޭ މާލީ އެހީ ބަލައިގަންނަންވާނީ ހަމައެކަނި އެ ކެންޑިޑޭޓަކު ނުވަތަ އެ ކެންޑިޑޭޓުގެ ރަސްމީ އިންތިހާބީ އޭޖެންޓެވެ.
(ށ) އިންތިހާބާ ގުޅިގެން ކެންޑިޑޭޓަކު ކުރާ އެންމެހައި ހަރަދުތަކަށް ފައިސާ ދައްކައި ނުވަތަ އަގު ދައްކައި ނުވަތަ ހަރަދުކުރާނީ އެ ކެންޑިޑޭޓަކު ނުވަތަ އެ ކެންޑިޑޭޓުގެ ރަސްމީ އިންތިހާބީ އޭޖެންޓެވެ.
69 ވަނަ މާއްދާ - އިންތިހާބާ ގުޅިގެން ކުރާ ހަރަދުތަކުގެ އެންމެ މަތީ އަދަދު
އިންތިހާބާ ގުޅިގެން ކެންޑިޑޭޓަކު ހަރަދުކުރަންވާނީ، އެ ކެންޑިޑޭޓަކު ކުރިމަތިލާފައިވާ އިންތިހާބީ ދާއިރާއެއްގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ ކޮންމެ މީހަކަށް 1500 (ފަނަރަސަތޭކަ) ރުފިޔާގެ މަގުން ހިސާބުކުރުމުން ނުކުންނަ ފައިސާގެ އަދަދަށްވުރެ އިތުރުނުވާނެ އަދަދަކަށެވެ.
70 ވަނަ މާއްދާ - ބައެއް ފަރާތްތަކުން ދޭ އެހީ ގަބޫލު ނުކުރުން
އިންތިހާބާ ގުޅިގެން ކެންޑިޑޭޓަކު ހަރަދުކުރުމަށްޓަކައި ނުވަތަ ބޭނުންކުރުމަށްޓަކައި އަންނަނިވި ފަރާތްތަކުން ދޭ ފައިސާ ނުވަތަ ތަކެތި، އެއްވެސް ކެންޑިޑޭޓަކު ނުވަތަ އެ ކެންޑިޑޭޓެއްގެ ފަރާތުން އެހެން މީހަކުވިޔަސް ބޭނުންކޮށްގެން ނުވާނެއެވެ.
(ހ) ބިދޭސީންނާއި، ބިދޭސީ ފަރާތްތަކާއި، ބިދޭސީ އިދާރާތަކުން އެހީގެ ގޮތުގައި ދޭ ފައިސާ ނުވަތަ ތަކެތި.
(ށ) ބިދޭސީ ސަރުކާރަކުން ނުވަތަ ބިދޭސީ ޖަމާއަތަކުން އެހީގެ ގޮތުގައި ދޭ ފައިސާ ނުވަތަ ތަކެތި.
(ނ) ބައިނަލްއަގްވާމީ ޖަމާއަތްތަކުން އެހީގެ ގޮތުގައި ދޭ ފައިސާ ނުވަތަ ތަކެތި.
(ރ) ނަންހާމަކުރުމަށް ބޭނުން ނުވާ ފަރާތަކުން އެހީގެ ގޮތުގައި ދޭ ފައިސާ ނުވަތަ ތަކެތި.
(ބ) ގާނޫނީ ގޮތުން ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭ ފައިސާ ފިޔަވައި، ދައުލަތުގެ އިދާރާއަކުން އެހީގެ ގޮތުގައި ދޭ ފައިސާ ނުވަތަ ތަކެތި.
(ޅ) ސަރުކާރުގެ ހިއްސާއެއް ހިމެނިގެންވާ އެއްވެސް ކުންފުންޏަކުން ނުވަތަ ތަނަކުން ދޭ ފައިސާ ނުވަތަ ތަކެތި.
71 ވަނަ މާއްދާ - ފައިސާ ހޯދުމަށް ނުފޫޒު ނުފޯރުވުން
(ހ) އިންތިހާބާ ގުޅިގެން ކެންޑިޑޭޓަކު ހަރަދުކުރުމަށްޓަކައި ނުވަތަ ބޭނުންކުރުމަށްޓަކައި ފައިސާ ނުވަތަ ތަކެތި ހޯދުމަށްޓަކައި،އެ ކެންޑިޑޭޓަކު ނުވަތަ އެ ކެންޑިޑޭޓެއްގެ ފަރާތުން ކުރާ މަސައްކަތްތަކުގައި، އެއްވެސް މީހަކަށް ނުވަތަ ފަރާތަކަށް އެއްވެސް ބާވަތެއްގެ ބާރެއް ބޭނުންކޮށްގެން ނުވަތަ ނުފޫޒެއް ފޯރުވައިގެން، ނުވަތަ ބިރެއްދައްކައިގެން ނުވާނެއެވެ.
(ށ) އިންތިހާބާ ގުޅިގެން ކެންޑިޑޭޓަކު ހަރަދުކުރުމަށްޓަކައި ނުވަތަ ބޭނުންކުރުމަށްޓަކައި ފައިސާ ނުވަތަ ތަކެތި ހޯދުމަށްޓަކައި،އެ ކެންޑިޑޭޓަކު ނުވަތަ އެ ކެންޑިޑޭޓެއްގެ ފަރާތުން ކުރާ މަސައްކަތްތަކުގައި، ވަކިމީހަކަށް ހާއްސަ އިމްތިޔާޒުތަކެއް ހޯދައިދޭނެކަމުގެ، ނުވަތަ ޒާތީ ފައިދާތަކެއް ހޯދައިދޭނެކަމުގެ ހުށަހެޅުމެއް ހުށަހަޅައިގެންނުވާނެއެވެ.
72 ވަނަ މާއްދާ - އަމިއްލަ ފަރުދުންނާއި ގާނޫނީ ށަހްސުން ދޭ އެހީ
(ހ) އިންތިހާބާ ގުޅިގެން ކެންޑިޑޭޓަކު ހަރަދުކުރުމަށްޓަކައި ނުވަތަ ބޭނުންކުރުމަށްޓަކައި މި ގާނޫނުގެ 70 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތްތައް ފިޔަވައި އަމިއްލަ ފަރުދުންގެ އަތުންނާއި ގާނޫނީ ށަހްސުތަކުގެ ފަރާތުން މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކޮންމެ ކެންޑިޑޭޓަކަށްވެސް ފައިސާ ނުވަތަ ތަކެތި ހޯދިދާނެއެވެ. އަދި މިގޮތުގެ މަތިން އެއިން ފަރާތަކުން ދަރަންޏަށްވެސް ފައިސާ ނުވަތަ ތަކެތި ހޯދިދާނެއެވެ.
(ށ) އިންތިހާބާ ގުޅިގެން ކެންޑިޑޭޓަކު ހަރަދުކުރުމަށްޓަކައި ނުވަތަ ބޭނުންކުރުމަށްޓަކައި ވަކި ފަރުދަކުދޭ ފައިސާ، މި ގާނޫނުގެ 69 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަދަދުގެ %0.5 (ސުމެއް ޕޮއިންޓް ފަހެއް އިންސައްތަ) އަށްވުރެ އިތުރުވެގެން ނުވާނެއެވެ. އަދި އިންތިހާބާ ގުޅިގެން ކެންޑިޑޭޓަކު ހަރަދުކުރުމަށްޓަކައި ނުވަތަ ބޭނުންކުރުމަށްޓަކައި ގާނޫނީ ށަހްސަކު ދޭ ފައިސާ، މި ގާނޫނުގެ 69 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަދަދުގެ %2 (ދޭއް އިންސައްތަ) އަށްވުރެ އިތުރުވެގެން ނުވާނެއެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެމަތިން ލިބޭ އެންމެހައި ފައިސާ ލިބުނު ފަރާތާއި، ލިބުނުގޮތާއި ލިބުނު އަދަދުގެ ރެކޯޑުތައް އެ ކެންޑިޑޭޓެއްގެ ރަސްމީ އިންތިހާބީ އޭޖެންޓް ބަލަހައްޓަންވާނެއެވެ.
(ރ) އިންތިހާބާ ގުޅިގެން ކެންޑިޑޭޓަކު ހަރަދުކުރުމަށްޓަކައި ނުވަތަ ބޭނުންކުރުމަށްޓަކައި މި ގާނޫނުގެ ދަށުން އެއްވެސް ފަރާތަކުން ދޭ ފައިސާއެއް ނުވަތަ އެއްޗެއް ދިން ފަރާތް ސިއްރުކޮށްގެން ނުވަތަ އޮޅުވާލައިގެން ނުވާނެއެވެ.
73 ވަނަ މާއްދާ - އިންތިހާބާގުޅޭ މާލީ ކަންކަމާބެހޭ މައުލޫމާތު އިލެކްށަންސް ކޮމިށަނަށް ހުށަހެޅުން
(ހ) ކޮންމެ ކެންޑިޑޭޓެއްގެ އިންތިހާބާގުޅޭ މާލީ ކަންކަމާބެހޭ ގޮތުން އަންނަނިވި މައުލޫމާތާއި ތަކެތި ހިމެނޭ ގޮތުގެމަތިން ރިޕޯޓެއް ތައްޔާރުކޮށް އެ އިންތިހާބު ބާއްވާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އިލެކްށަންސް ކޮމިށަނަށް ހުށަހަޅަންވާނެއެވެ.
- އިންތިހާބާ ގުޅިގެން ކެންޑިޑޭޓުކޮށްފައިވާ ހަރަދުތަކުގެ ތަފްސީލު.
- އިންތިހާބުގައި ކެންޑިޑޭޓަށް ތާއީދު ހޯދުމަށްޓަކައި ކޮށްފައިވާ ހަރަދުތައް ވަކިން އެނގޭގޮތަށް އެ ހަރަދުތަކުގެ ތަފްސީލު.
- އިންތިހާބަށް ހަރަދު ކުރުމަށްޓަކައި ފައިސާ ހޯދިގޮތުގެ ތަފްސީލު.
- އިންތިހާބާ ގުޅިގެން ކެންޑިޑޭޓަކު ހަރަދުކުރުމަށްޓަކައި ނުވަތަ ބޭނުންކުރުމަށްޓަކައި ފައިސާ އާއި ތަކެތި ދިން ފަރާތްތަކާއި އެފަރާތްތަކުން ދިން މިންވަރުގެ ތަފްސީލު.
- މި ގާނޫނުގެ 67 ވަނަ މާއްދާގެ ދަށުން ހުޅުވާފައިވާ އިންތިހާބުގެ ބޭންކް އެކައުންޓުން ކޮށްފައިވާ އެންމެހައި މުއާމަލާތްތައް އަންގައިދޭ ބޭންކް އެކައުންޓްގެ ސްޓޭޓްމަންޓް.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ މައުލޫމާތާއި ތަކެއްޗަކީ ސައްހަ މައުލޫމާތާއި ތަކެތި ކަމަށް އަންގައިދިނުމަށްޓަކައި އެ މައުލޫމާތަކާގުޅޭ ފައިސާގެ ރަސީދު، އިންވޮއިސް، ބިލް އަދި މިފަދަ އެންމެހައި ލިޔެކިޔުމާއި ތަކެތި މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ މައުލޫމާތާއި ތަކެއްޗާއެކު ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ މައުލޫމާތާއި ތަކެއްޗަކީ ސައްހަ މައުލޫމާތާއި ތަކެތި ކަމަށް އެނގޭގޮތަށް ތައްޔާރުކޮށްފައިވާ އިގްރާރުގައި ކެންޑިޑޭޓާއި އެ ކެންޑިޑޭޓުގެ ރަސްމީ އިންތިހާބީ އޭޖެންޓް ސޮއިކޮށް އިލެކްށަންސް ކޮމިށަނަށް މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ މައުލޫމާތާއި ތަކެއްޗާއެކު ހުށަހަޅަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތާއި ތަކެތި އާންމުކޮށް ބެލޭނެ ނިޒާމެއް އިލެކްށަންސް ކޮމިށަނުން ހަމަޖައްސަންވާނެއެވެ.
އިންތިހާބާބެހޭ ކުށާއި އަދަބު
74 ވަނަ މާއްދާ - ކުށާއި އަދަބު
(ހ) އެއްވެސް އިންތިހާބެއްގެ ތެރޭގައި، ތިރީގައިމިވާ ކަންކަމުންކުރެ ކަމެއްކުރުމަކީ ނުވަތަ ކުރަން އުޅުމަކީ ކުށެކެވެ.
- އިންތިހާބަށް ކުރިމަތިލުމުގެ ގޮތުން ދޮގު މައުލޫމާތު ދިނުން.
- އިލެކްށަންސް ކޮމިށަންގެ މުވައްޒަފަކު ނުވަތަ އެ ކޮމިށަނުން ވޯޓު ނެގުމުގެ ކަންތައްތައް ހިންގުމާ ހަވާލުކޮށްފައިވާ އެއްވެސް މީހަކު، އިންތިހާބަށް ކުރިމަތިލުމަށް އެއްވެސް ފަރާތަކުން ފޮނުވާ ލިޔުމެއް ނައްތާލުން، ނުވަތަ އެލިޔުމަކާމެދު ގަވާއިދުން އަމަލުކުރަންޖެހޭ ގޮތަކަށް އަމަލުނުކުރުން، ނުވަތަ އެލިޔުމަކާމެދު އެއްވެސް ގޮތަކުން އިހުމާލުވުން.
- ވޯޓު ކަރުދާސް ވިއްކުން، ނުވަތަ ގާނޫނީގޮތުން ހުއްދަ ލިބިފައިނުވާ އެއްވެސް ފަރާތަކަށް ވޯޓުކަރުދާސް ދޫކުރުން ނުވަތަ ދިނުން.
- އިންތިހާބެއްގައި ވޯޓު ދިނުމުގެ އެ ބުރެއްގައި އެއްފަހަރަށްވުރެ ގިނަފަހަރު ވޯޓުލުން.
- ގާނޫނީގޮތުން ހުއްދަ ވޯޓުކަރުދާސް ނޫން އެހެން އެއްވެސް އެއްޗެއް ވޯޓުފޮށްޓަށްލުން.
- ވޯޓުލާ ސަރަހައްދުން ބޭރަށް ގާނޫނާ ހިލާފަށް ވޯޓުކަރުދާސް ގެންދިއުން.
- ގާނޫނު ހުއްދަކުރާ ގޮތެއްގެމަތިން މެނުވީ އިންތިހާބުގައި ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ ވޯޓުކަރުދާސް ޕެކެޓެއް ނުވަތަ ވޯޓުކަރުދާސް ފޮތެއް، ނުވަތަ މިނޫންވެސް އެއްޗެއް ހުޅުވައި، ވޯޓުފޮށްޓެއް ނުވަތަ ސެކިއުރިޓީ އުރައެއް ކަނޑައި، އެއިން ވޯޓުކަރުދާސް ނަގައި ބެލުން. ނުވަތަ މިއިން އެއްޗެއް ހަލާކުކުރުން. ނުވަތަ މިއިން އެއްޗަކަށް ގެއްލުން ދިނުން.
- އިލެކްށަންސް ކޮމިށަންގެ ހުއްދަނެތި ވޯޓުކަރުދާސް ނުވަތަ ވޯޓުކަރުދާހުގެ ގޮތުގައި އިންތިހާބުގައި ބޭނުންކުރެވިދާނެފަދަ އެއްޗެއް އުފެއްދުން.
- ވޯޓުދިނުމުގެ ހައްގުނެތި އެއްވެސް އިންތިހާބެއްގައި ވޯޓުލުން.
- އިންތިހާބުގައި ވޯޓުކަރުދާސް ހުންނާނެ ގޮތާމެދު އިލެކްށަންސް ކޮމިށަން ފިޔަވައި، އެއްވެސް ފަރާތަކުން އިއްލާނެއް ނުވަތަ އެއްވެސް ބާވަތެއްގެ އިށްތިހާރެއްކުރުން.
- ގާނޫނީގޮތުން ބެލެހެއްޓުން ލާޒިމްކުރާ މައުލޫމާތު ނެގުމުގައި، އެނގިހުރެ ދޮގު ނުވަތަ ފުރިހަމަނޫން މައުލޫމާތު ނެގުން.
- ވޯޓުދިނުމަށް އެއްވެސް މީހަކަށް ދަތިކުރުން، ނުވަތަ ވޯޓުދިނުމަށް އެއްވެސް މީހަކަށް ހުރަސްއެޅުން.
- ގަސްދުގައި، ސައްހަ ވޯޓެއް ބާތިލް ވޯޓަކަށް ގުނުން، ނުވަތަ ސައްހަ ވޯޓެއް ނުގުނައި ދޫކޮށްލުން، ނުވަތަ ގަސްދުގައި، ބާތިލް ވޯޓެއް ސައްހަ ވޯޓަކަށް ގުނުން، ނުވަތަ ގަސްދުގައި، އެއް ކެންޑިޑޭޓަކަށް ދީފައިވާ ވޯޓު އަނެއް ކެންޑިޑޭޓެއްގެ ނަމުގައި ގުނުން.
- ވޯޓުލާ ސަރަހައްދުގައި އިލެކްށަންސް ކޮމިށަންގެ ފަރާތުން ވޯޓުގުނުމުގެ ކަންތައްތައް ބެލެހެއްޓުމާ ހަވާލުވެ ތިބޭ މީހުންގެ ތެރެއިން މީހަކު، ނުވަތަ އެނޫން މީހަކުނަމަވެސް، މި ގާނޫނާ ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ހިލާފުކަމެއް ކުރުން. ނުވަތަ އެފަދަ އަމަލެއް ކުރުމަށް އެއްވެސް މާނައެއްގައި އެހީވުން. ނުވަތަ އެމީހެއްގެ ވާޖިބު އަދާކުރުމުގައި އިހުމާލުވުމުގެ ސަބަބުން އެފަދަ އަމަލެއް ހިނގުމަށް މަގުފަހިވުން.
- އިންތިހާބުގައި އެއްވެސް މީހަކު، އެހެން މީހެއްގެ ނަމުގައި ވޯޓުލުން.
- މި ގާނޫނުގެ 53 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ވޯޓުފޮށި ބަންދުކުރުމާ ހަވާލުވެހުރި މީހަކު ގަސްދުގައި ނުވަތަ އޭނާގެ އިހުމާލުން ވޯޓުފޮށި ބަންދުނުކޮށް ހުރުން، ނުވަތަ ވޯޓުނަގަން ފެށުމާއި ވޯޓުނެގުން ނިންމުމާ ދެމެދުގައި، ނުވަތަ ވޯޓުގުނަން ހަމަޖެހިފައިވާ ވަގުތުގެ ކުރިން ވޯޓުފޮށި ހުޅުވައި ވޯޓުތައް ބަލައި ހެދުން، ނުވަތަ ވޯޓު ބަދަލުކޮށް އުނިއިތުރުކޮށް ހެދުން.
- މި ގާނޫނުގެ 52 ވަނަ މާއްދާގައި ބުނެފައިވާގޮތާ ހިލާފަށް ވޯޓުނެގުން ހުއްޓާލުން.
- މި ގާނޫނުގެ 39 ވަނަ މާއްދާގައިވާ ގޮތުގެމަތިން ވޯޓުލާ ސަރަހައްދުގައި ބަހައްޓާފައި ހުންނަ ކެންޑިޑޭޓުންގެ ލިސްޓްގައިވާ ނަންތަކުގެ ތެރެއިން ނަމެއް މި ގާނޫނާ ހިލާފަށް ބަދަލުކޮށް، އެ ލިސްޓަށް އުނިއިތުރު ގެނައުން.
- އިންތިހާބާ ގުޅިގެން މި ގާނޫނުގެ 69 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަދަދަށްވުރެ އިތުރަށް ހަރަދުކުރުން.
- މި ގާނޫނުގެ 72 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އަދަދަށްވުރެ އިތުރަށް ފައިސާ ދިނުން ނުވަތަ ބަލައިގަތުން.
(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާފަދަ އަމަލެއް ކުރުމުގެ ސަބަބުން ކުށްވެރިވެއްޖެ މީހެއްގެ އަދަބަކީ، އެމީހަކު ކުރި އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި، 1 އަހަރު (އެއް އަހަރު) ދުވަހާއި 4 (ހަތަރު) އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން، ނުވަތަ 12,000.00 (ބާރަހާސް) ރުފިޔާއާއި 48,000.00 (ސާޅީސް އަށްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
(ނ) މި މާއްދާގެ ދަށުން ކުށްވެރިވި މީހަކީ، އިލެކްށަންސް ކޮމިށަނުން އިންތިހާބާބެހޭ ކަމެއް ހަވާލުކޮށްފައިވާހުރި މީހަކު ކަމުގައިވާނަމަ،މި މާއްދާގެ (ށ) ގެ ދަށުން ކަނޑައެޅޭ އަދަބުގެ އިތުރަށް 6 މަސްދުވަހާއި (ހަމަސް ދުވަހާއި) 1 އަހަރާ (އެއް އަހަރާ) ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭނެއެވެ. ނުވަތަ އެފަދަ މީހަކު 6,000.00 (ހަ ހާސް) ރުފިޔާއާއި 12,000.00 (ބާރަ ހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.
(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ކުށަކާބެހޭ މައުލޫމާތު ސިއްރުކުރި މީހެއްގެ އަދަބަކީ 3 މަސްދުވަހަށް (ތިން މަސްދުވަހަށް) ޖަލަށްލުން، ނުވަތަ 3,000.00 (ތިންހާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ.
75 ވަނަ މާއްދާ - އިތުރު ކުށް
(ހ) މި ގާނޫނުގެ 74 މާއްދާގައި ބަޔާންކޮށްފައިވާ ކުށްތައް ފިޔަވައި،މި ގާނޫނުގައި ނުވަތަ އިންތިހާބަކާބެހޭ ހާއްސަ ގާނޫނެއްގައި ކޮށްގެން ނުވާނެކަމަށް ބުނެފައިވާ ކަމެއް ނުވަތަ ކުރުންމަނާ ކަމެއް ކޮށްފި މީހަކު، ނުވަތަ ވަކިގޮތަކަށް ކުރުމަށް ކަނޑައެޅިފައިވާ ކަމެއް އެނޫން ގޮތަކަށް ކޮށްފިމީހަކު، ނުވަތަ ކުރަން އުޅެފި މީހަކު، ކުށްވެރިވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުށްވެރިވެއްޖެ މީހެއްގެ އަދަބަކީ، އެމީހަކު ކުރި ކުށެއްގެ ކުޑަބޮޑުމިނަށް ބަލައި، 6 މަސްދުވަހާއި (ހަ މަސްދުވަހާއި) 2 އަހަރާ (ދެ އަހަރާ) ދެމެދުގެ މުއްދަތަކަށް ޖަލަށްލުން، ނުވަތަ 6,000.00 (ހަހާސް) ރުފިޔާއާއި 24,000.00 (ސައްވީސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
އެހެނިހެން ކަންކަން
76 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން
(ހ) މި ގާނޫނު ހިންގުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ އިލެކްށަންސް ކޮމިށަނުންނެވެ. އަދި މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ގިނަވެގެން 6 މަސް (ހަ މަސް) ދުވަހުގެ ތެރޭގައި އެ ގަވާއިދުތައް ހަދައި، އާންމުކޮށް އިއްލާންކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހަދާފައިވާ ގަވާއިދަކަށް އުނި އިތުރު ގެނައުމަށް ނުވަތަ އެ މާއްދާގައި ބުނާ މުއްދަތުގެ ފަހުން މި ގާނޫނުގެ ދަށުން އިތުރު ގަވާއިދެއް ހަދަން އިލެކްށަންސް ކޮމިށަނުން ބޭނުންވެއްޖެ ހާލަތެއްގައި އެ ގަވާއިދެއް ހެދުމަކަށް މި މާއްދާގެ (ހ) ހުރަހެއް ނާޅައެވެ.
(ނ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ގާނޫނުއަސާސީގެ 276 ވަނަ މާއްދާގެ ދަށުން އުފައްދާ އިލެކްށަންސް ކޮމިށަނަށް އެ ކޮމިށަނުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދެއް ހެދުމަކަށް މި މާއްދާގެ (ހ) ހުރަހެއް ނާޅައެވެ.
77 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން
މި ގާނޫނަށް އަމަލުކުރަންފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
78 ވަނަ މާއްދާ - އުވާލެވޭ ގާނޫނު
މި ގާނޫނަށް އަމަލުކުރަން ފެށުމުން، ގާނޫނު ނަންބަރު 1981-05 (އާންމު އިންތިހާބުގެ ގާނޫނު) އުވުނީއެވެ.
79 ވަނަ މާއްދާ - ލަފުޒުތަކާއި އިބާރާތްތަކުގެ މާނަ
(ހ) މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު:
"އިލެކްށަންސް ކޮމިށަން" ނުވަތަ "ކޮމިށަން" ކަމުގައި ބުނެފައިއެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން އުފައްދާ އިލެކްށަންސް ކޮމިށަނަށެވެ.
"އިންތިހާބު" ކަމުގައި ބުނެފައިއެވަނީ، ގާނޫނުއަސާސީއާއި ގާނޫނުތަކުގެ ދަށުން އިލެކްށަންސް ކޮމިށަނުން ހިންގައި ބަލަހައްޓަންޖެހޭ އެންމެހައި އިންތިހާބުތަކަށެވެ.
"ވޯޓުލާ މަރުކަޒު" ކަމުގައި ބުނެފައިއެވަނީ، އެ އިންތިހާބެއްގައި ވޯޓުލުން ބާއްވާ ކޮންމެ ސަރަހައްދެއްގައި ވޯޓުލުމުގެ ކަންތައްތައް ހިންގުމަށް ކަނޑައަޅާފައިވާ ތަނަށެވެ.
"ވޯޓުލާ ސަރަހައްދު" ކަމުގައި ބުނެފައިއެވަނީ، އެ އިންތިހާބެއްގައި ވޯޓުލާން ބަހައްޓާފައިވާ ކޮންމެ ވޯޓުފޮށްޓަކުން ފެށިގެން 100 (އެއްސަތޭކަ) ފޫޓުގެ ތެރޭގައި ހިމެނިގެންވާ ގޯތިގެދޮރާއި، މަގުތަކާއި، ގޯޅިތައް ފިޔަވައި ޕާކުތަކާއި، ހުސްބިންތަކާއި، ބޯޅަދަނޑު ފަދަ ތަންތަން ހިމެނިގެންވާ ސަރަހައްދަށެވެ.
"ވޯޓިންގ ބޫތު" ކަމުގައި ބުނެފައިއެވަނީ، ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށް ކަނޑައަޅާފައިވާ ތަނަށެވެ.
"ވޯޓު ނެގުމާބެހޭ ކަންތައްތައް ބަލަހައްޓަން ތިބޭ މީހުން" ކަމުގައި ބުނެފައިއެވަނީ، އިންތިހާބުތަކުގައި ވޯޓުލާ މަރުކަޒުތަކުގައި ވޯޓު ނެގުމާއި، ވޯޓު ގުނުމާބެހޭ އެންމެހައި ކަންތައްތައް ބަލެހެއްޓުމަށް ތިބޭ އިލެކްށަންސް ކޮމިށަނުންގެ މުވައްޒަފުން ނުވަތަ އެކަމަށް އެކޮމިށަނުން އައްޔަންކޮށްފައި ތިބޭ މީހުންނަށެވެ.
"ކާކުކަން އަންގައިދޭ ރަސްމީ ލިޔުން" ކަމުގައި ބުނެފައިއެވަނީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި، ދިވެހި ޕާސްޕޯޓާއި، އަދި ދިވެހިރާއްޖޭން ދޫކޮށްފައިވާ އުޅަނދު ފަހަރު ދުއްވުމުގެ ލައިސަންސް ކާޑުގެ ތެރެއިން އެލިޔުމެއްގެ މުއްދަތު ހަމަވެފައިނުވާ ލިޔުންތަކަށެވެ.
"ސިޔާސީ ޕާޓީ" ކަމުގައި ބުނެފައިއެވަނީ، ސިޔާސީ ޕާޓީތައް ހިންގައި ބެލެހެއްޓުމާ ގޫޅޭ ގޮތުން ދިވެހިރާއްޖޭގައި އަމަލުކުރާ ގާނޫނާނުވަތަ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ރަޖިސްޓަރީކޮށްފައިވާ ކޮންމެ ސިޔާސީ ޕާޓީއަކަށެވެ.
(ށ) މި ގާނޫނުގައި ބުނެފައިވާ އެކިއެކި ކަންތައްތައް ކުރުމަށާއި ތަކެތި ހުށަހެޅުމަށް ދީފައިވާ މުއްދަތު ގުނުމުގައި ސަރުކާރު ބަންދު ދުވަސްތައް ހިމެނޭނެއެވެ.
(ނ) މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވަތަ ދޭހަ ނުވާހާ ހިނދަކު މުފްރަދުކޮށް ގެނެސްފައިވާ ލަފްޒުތައް ނުވަތަ އިބާރާތްތައް އެ ލަފުޒުތަކުގެ ނުވަތަ އިބާރާތްތަކުގެ ޖަމްއު މާނައިގައި އަދި ޖަމްއުކޮށް ގެނެސްފައިވާ ލަފުޒުތައް ނުވަތަ އިބާރާތްތައް އެ ލަފުޒުތަކުގެ ނުވަތަ އިބާރާތްތަކުގެ މުފްރަދު މާނައިގައި ބޭނުންކުރެވޭނެއެވެ.
މި ގާނޫނަށް ގެނެވުނު އިސްލާހު
ކޮންސޮލިޑޭޓެޑް ގާނޫނު
އިންތިހާބުތަކާބެހޭ އާންމު ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2008-11)
އުވުނު ގާނޫނު
އާންމު އިންތިހާބުގެ ގާނޫނު (ގާނޫނު ނަންބަރު 1981-05)
މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު
- އިންތިހާބުތަކާބެހޭ އާންމު ގަވާއިދު (ގަވާއިދު ނަންބަރު 2020-48)
- އިންތިހާބުތަކާ ގުޅިގެން ށަކުވާ ނުވަތަ މައްސަލަ ހުށަހެޅުމާއި އެކަންކަން ބެލުމުގައި އަމަލުކުރާނޭ އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދު (ގަވާއިދު ނަންބަރު 2020-15)
- އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ހާއްސަކުރުމުގެ އުސޫލު (2 ފެބްރުއަރީ 2020)
- އިންތިހާބުތަކާ ގުޅިގެން ހުށަހަޅާ ށަކުވާތައް ބެލުމުގައި އަމަލުކުރާނޭ އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދު (ގަވާއިދު ނަންބަރު 2019-1008)
- އިންތިހާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ހާއްސަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުސޫލު (13 އޯގަސްޓް 2018)
- ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގަވާއިދު (ގަވާއިދު ނަންބަރު 2012-08)
ކިޔުންތެރިންގެ ހިޔާލު