ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު
(ގާނޫނު ނަންބަރު 2009-12)
އެއްވަނަ ބައި
ތައާރުފާއި މަގްސަދު
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުން، ތަހްގީގުގެ މަރުހަލާގައާއި ށަރީއަތުގެ މަރުހަލާގައި ބަންދުގައި ބޭތިއްބުމާއި، ބަންދުން ވީއްލުމަށްފަހުގައިވެސް ވަކި ނިޒާމެއްގެ ތެރެއިން ބަލަހައްޓަމުންދިޔުމާއި، ށަރީއަތަށް ހެކި ބަލައިގަތުމުގައި ލުއި މިންގަނޑެއް ހުއްދަކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާއިން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ހާއްސަ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.
(ށ) މި ގާނޫނަށް ކިޔާނީ، "ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު" އެވެ.
2 ވަނަ މާއްދާ – މަގްސަދު
މި ގާނޫނުގެ ބޭނުމަކީ، އަންނަނިވި މަގްސަދުތައް ހާސިލުކުރުމެވެ.
(ހ) މުޖުތަމައުގައި ހިމެނޭ ކުޑަކުދިންނަށް ނުރައްކަލެއްކަމަށް ވެދާނެ މީހުންގެ ކިބައިން، އެކުދިން ރައްކާތެރިކޮށް، އެގޮތުގައި އެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުން، ތަހްގީގުގެ މަރުހަލާގައާއި ށަރީއަތުގެ މަރުހަލާގައި ބަންދުގައި ބޭތިއްބުމާއި، ކުށުގެ އަދަބުން މިންޖުވުމަށްފަހުވެސް ވަކިކަހަލަ ނިޒާމެއްގެ ތެރެއިން ބެލެހެއްޓެމުންދާނެގޮތް ހެދުން.
(ށ) ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުން، ދެމެހެއްޓިގެންވާ ގޮތެއްގައި، ދައުލަތުން ކޮންޓްރޯލްކުރުމާއި، ބެލެހެއްޓުން.
(ނ) ށަރީއަތުގެ މަޖިލީހަށް ބަލައިގަންނަ ބާވަތުގެ ހެކީގެ އިތުރުން، ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ ސާބިތުކުރުމަށް އިތުރު ބާވަތުގެ ހެކި ހުއްދަކުރުމާއި، ބަލައިގަންނަ ހެކީގެ މިންގަނޑު ލުއިކުރުން.
(ރ) ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއި އެކަމަށް އެހީތެރިވާ މީހުންނަށް ހަރުކަށި އަދަބުދިނުން.
(ބ) ޖިންސީ ގޯނާއިން ކުޑަކުދިންނަށް ލިބޭގެއްލުމަށް ބަދަލު ހޯދައިދިނުން.
(ޅ) ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުން މުޖުތަމައުގެ އެހެން މީހުންނަށް އެނގޭނެގޮތެއް ހެދުން.
(ކ) ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާކުރިގޮތް ނުވަތަ އެކަން ހިންގިގޮތް ކުޑަކުއްޖާގެ ކިބައިން، އަމަލުން، ހަރަކާތުން، ނުވަތަ އެނޫންވެސް ގޮތަކުން ޖިންސީ ގޯނާކުރިގޮތް ށަރީއަތުގެ މަޖިލީހުގައި ދެއްކުމަށް ނުއެދުން.
ދެވަނަ ބައި
ކުށްކަނޑައެޅުން
3 ވަނަ މާއްދާ - ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުން
(ހ) މީހަކު، ކުޑަކުއްޖެއްގެ ހަށިގަނޑުގައި، ޖިންސީ ނިޔަތެއްއޮވެގެން ގަސްތުގައި އަތްލައިފިކަމަށްވާނަމަ، އެކުރަނީ ކުށެކެވެ.
(ށ) މި މާއްދާގެ ބޭނުމަށްޓަކައި، ޖިންސީ ނިޔަތަކާއެކު އަތްލުން ކަމަށް ބުނެފައިއެވަނީ، އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށް އަތްލުމެވެ.
- ކުޑަކުއްޖާގެ ކުރިމަތިފަރާތުގައި، ނުވަތަ ފުރަގަސްފަރާތުގައި ނުވަތަ ޖިންސީ އެހެންވެސް ގުނަވަނެއްގައި، ނުވަތަ ޖިންސީ އަރާމެއް ހޯދައިގަނެވޭނެ ހިސާބެއްކަމުގައި ބެލެވޭ ތަނެއްގައި އަތްލުން.
- ތިމާގެ ސީދާ އަތުން، ނުވަތަ އެއްޗެއް މެދުވެރިކޮށް އަތްލުން.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
4 ވަނަ މާއްދާ - ކުޑަކުއްޖަކު ޖިންސީ އަމަލެއްގައި ބައިވެރިކުރުވުން
(ހ) މީހަކު، ޖިންސީ އަމަލެއްގައި، ކުޑަކުއްޖަކު ބައިވެރިކުރުވައިފިނަމަ، އެމީހަކު އެކުރަނީ ކުށެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
5 ވަނަ މާއްދާ - ކުޑަކުއްޖެއްގެ ހާޒިރުގައި ޖިންސީ އަމަލެއް ހިންގުން
(ހ) ކުޑަކުއްޖެއްގެ ހާޒިރުގައި، މީހަކު ޖިންސީ އަމަލެއް ގަސްތުގައި ހިންގައިފިނަމަ، ނުވަތަ ކުޑަކުއްޖަކަށް ފެންނާނެގޮތަށް އެއަމަލު ކޮށްފިނަމަ، ނުވަތަ ކުޑަކުއްޖަކަށް ދެއްކުމުގެ ނިޔަތުގައި، ނުވަތަ ކުޑަކުއްޖަކަށް އެއަމަލު ފެންނާނެކަމަށް ގަބޫލުކޮށްގެން އެއަމަލު ކޮށްފިކަމަށްވާނަމަ، އެމީހަކު އެކުރަނީ ކުށެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ 7 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
6 ވަނަ މާއްދާ - ޖިންސީ އަމަލެއް ބަލަން މަޖުބޫރުކުރުވުން
(ހ) މީހަކު، ޖިންސީ އަމަލެއް ހިންގަމުންގެންދާތަން ބަލަން، ކުޑަކުއްޖަކަށް މަޖުބޫރުކުރުވައިފިނަމަ، ނުވަތަ ޖިންސީ އަމަލެއް ހިންގަމުންގެންދާ މަންޒަރެއް ނުވަތަ ފޮޓޯއެއް ނުވަތަ ފިލްމެއް ނުވަތަ ފިލްމެއްގެ މަންޒަރެއް ކުޑަކުއްޖަކަށް ދައްކައިފިނަމަ، ނުވަތަ އެފަދަ އަމަލެއް ހިންގާ އަޑު އިއްވައިފިނަމަ، އެމީހަކު އެކުރަނީ ކުށެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ 7 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
7 ވަނަ މާއްދާ - ކުޑަކުދިން ޖިންސީ ކުށްކުރުން
(ހ) މި ގާނޫނުގެ 3 ވަނަ މާއްދާގައި ނުވަތަ 4 ވަނަ މާއްދާގައި ނުވަތަ 5 ވަނަ މާއްދާގައި ނުވަތަ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށެއް ކުޑަކުއްޖަކު ކުރިކަމަށް ވީނަމަވެސް، އެކުއްޖާވެސް އެކުރަނީ ކުށެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުޑަކުއްޖާގެ އުމުރުން 13 އަހަރު ފުރިފައިވާނަމަ، އޭނާގެ އަދަބަކީ، ކުޑަކުދިން ބަންދުކުރުމަށް އެކަށޭނަތަނެއްގައި، 5 އަހަރުދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ބަންދުކުރުމެވެ. އެ ކުށްކުރިއިރު، އޭނާގެ އުމުރުން 13 އަހަރު ނުފުރޭނަމަ އޭނާގެ އަދަބަކީ، އޭނާގެ ބެލެނިވެރިއެއްގެ މައްޗަށް އޭނާ ބެލެހެއްޓުން ށަރުތުކޮށް، 5 އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް އޭނާ ގޭގައި ބަންދުކުރުމެވެ.
8 ވަނަ މާއްދާ - ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލެއް ހިންގުމަށް އެހީތެރިވެދިނުން
(ހ) މި ގާނޫނުގެ 3 ވަނަ މާއްދާގައި ނުވަތަ 4 ވަނަ މާއްދާގައި ނުވަތަ 5 ވަނަ މާއްދާގައި ނުވަތަ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށެއް ކުޑަކުއްޖަކު ލައްވައި ކުރުވުމަށް ގަސްތުގައި ރާވައިފިނަމަ، ނުވަތަ އެހީތެރިވެދީފިނަމަ، ނުވަތަ އިންތިޒާމުކޮށްދީފިނަމަ، ނުވަތަ މަގުފަހިކޮށްދީފިނަމަ، ނުވަތަ ހިތްވަރުދީފިނަމަ، އެކަންކުރާ މީހަކު އެކުރަނީ ކުށެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ 7 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
9 ވަނަ މާއްދާ - އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ޖިންސީ އަމަލު ހިންގުން
(ހ) ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގައިފިކަމަށްވާނަމަ، އެކުރަނީ ކުށެކެވެ
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ 15 އަހަރާއި 18 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
10 ވަނަ މާއްދާ - އިތުބާރުކުރެވޭ މަގާމެއްގައިހުރެ ޖިންސީ އަމަލެއް ހިންގުވުން
(ހ) ކުޑަކުއްޖަކު އިތުބާރު ކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާ ލައްވައި ޖިންސީ އަމަލެއް ހިންގުވައިފިނަމަ، އެކުރަނީ ކުށެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ 15 އަހަރާއި 18 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
11 ވަނަ މާއްދާ - އިތުބާރުކުރެވޭ މަގާމެއްގައިހުރެ ކުޑަކުއްޖެއްގެ ހާޒިރުގައި ޖިންސީ އަމަލެއް ހިންގުން
(ހ) ކުޑަކުއްޖަކު އިތުބާރު ކުރަންޖެހޭ މަގާމެއްގައިހުރި މީހަކު، އެ ކުޑަކުއްޖާގެ ހާޒިރުގައި، އެ ކުއްޖާއަށް ދެއްކުމުގެ މަގްސަދުގައި ޖިންސީ އަމަލެއް ހިންގައިފިނަމަ، އެކުރަނީ ކުށެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ 15 އަހަރާއި 18 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
12 ވަނަ މާއްދާ - އިތުބާރުކުރެވޭ މަގާމެއްގައިހުރެ ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލެއް ބެލުވުން
(ހ) ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައިހުރި މީހަކު، ޖިންސީ އަމަލެއް ބަޔަކު ހިންގާ މަންޒަރު އެ ކުޑަކުއްޖާއަށް ދައްކައިފިނަމަ، ނުވަތަ އެ މަންޒަރު ބަލަން އެ ކުޑަކުއްޖާއަށް މަޖުބޫރުކުރުވައިފިނަމަ، ނުވަތަ އޭނާއަށް ފެންނަގޮތަށް އެކަން ކޮށްފިނަމަ، ނުވަތަ އޭނާ ބަލަން ހުރިކަން ނުވަތަ ބަލާފާނެކަން ގަބޫލުކުރެވޭ ހާލަތެއްގައި އެކަން ކޮށްފިނަމަ، ނުވަތަ އެފަދަ އަމަލެއް ބަޔަކު ހިންގަމުންދާކަން އެނގިހުރެ ކުޑަކުއްޖާ އެތަނަށް ދިއުމަށް ނުވަތަ ވަނުމަށް ބުނެ މަޖުބޫރުކުރުވައިފިނަމަ، އެމީހަކު އެކުރަނީ ކުށެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ 15 އަހަރާއި 18 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
13 ވަނަ މާއްދާ - އިތުބާރު ކުރެވޭ މަގާމުތައް
މި ގާނޫނުގެ ބޭނުމަށްޓަކައި، ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި މީހަކު ހުރިކަމަށް ބަލާނީ، އަންނަނިވި ގުޅުންތައް ކުޑަކުއްޖަކާ އެ މީހަކާދެމެދު އުފެދިފައިވާ ހާލަތުގައިހުރި މީހަކަށެވެ.
(ހ) ކުޑަކުއްޖާގެ މައިންބަފައިންގެ ތެރެއިން މީހެއް.
(ށ) ކުޑަކުއްޖާގެ ށަރުއީ ބަލަދުވެރިންގެ ތެރެއިން މީހެއް.
(ނ) ކުޑަކުއްޖާގެ ބެލެނިވެރިންގެ ތެރެއިން މީހެއް.
(ރ) އިސްލާމްދީނުގައި ކައިވެނިހެޔޮނުވާ މީހުންގެ ތެރެއިން މީހެއް.
(ބ) ގާނޫނެއްގައިވާ ގޮތުގެމަތިން، ކުޑަކުއްޖަކަށް ހިދުމަތްދެމުންދާ ނުވަތަ އެކުއްޖަކު ބަލަހައްޓަމުންދާ މީހުންގެ ތެރެއިން މީހެއް.
(ޅ) ހުކުމެއްގެ ދަށުން ނުވަތަ ތަހްގީގަށްޓަކައި ކުޑަކުއްޖަކު ބަންދުކޮށްފައިވާ ތަނެއް ބަލަހައްޓާ މީހެއް.
(ކ) ކުޑަކުއްޖަކު ގެއެއްގައި ބަހައްޓާފައިވާނަމަ، އެ ގެއެއްގެ މީހެއް.
(އ) ހޮސްޕިޓަލް، ނުވަތަ ކްލިނިކް، ނުވަތަ ކުޑަކުދިން ބަލަހައްޓައިދޭ ގެ ފަދަ ކުޑަކުދިންނަށް ހިދުމަތްދޭ ތަނެއްގެ މީހެއް.
(ވ) ކުޑަކުއްޖަކު ދިރިއުޅޭ ގޭގެ މީހެއް.
(މ) ކުޑަކުއްޖަކު ތައުލީމު ހާސިލުކުރަމުންދާ ތަނުގެ މީހެއް.
(ފ) ކުޑަކުއްޖަކު ވަޒީފާ އަދާކުރަމުންދާ ތަނުގެ ނުވަތަ މަސައްކަތުގެ ހުނަރު ދަސްކުރަމުންދާ ތަނުގެ މީހެއް.
(ދ) ކުޑަކުއްޖަކަށް އިރުށާދާއި ލަފާ ދޭންޖެހޭ މަގާމެއްގައި ހުރި މީހެއް.
(ތ) ކުޑަކުއްޖަކު ބެލެހެއްޓުން ހަވާލުކުރެވިފައިވާ މީހެއް.
14 ވަނަ މާއްދާ - ކައިވެނީގެ އިސްތިސްނާ
މީހަކު، އިސްލާމްދީނުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، ކުޑަކުއްޖަކާ ކައިވެނިކޮށްގެން އުޅޭކަމަށްވާނަމަ، އެ ކައިވެނީގެ ގުޅުމުގެ ތެރޭގައި، މި ގާނޫނުގެ ދަށުން ޖިންސީ އަމަލެއްގެ ކުށްކަމުގައި ބެލިދާނެ އަމަލެއް ކުރިކަމުގައި ވީނަމަވެސް، އެއީ، މި ގާނޫނުގެ ބޭނުމަށްޓަކައި ކުށެއް ކަމުގައެއް ނުބެލެވޭނެއެވެ.
15 ވަނަ މާއްދާ - އާއިލާގެ މެންބަރަކާއެކު ޖިންސީ އަމަލެއް ހިންގުން
(ހ) މީހަކު، އޭނާގެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގައިފިނަމަ، އެ ކުރަނީ ކުށެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
16 ވަނަ މާއްދާ - ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލެއް ހިންގުމަށް އާއިލާގެ މެންބަރަކު ހިތްވަރުދިނުން
(ހ) އާއިލާގެ މެންބަރަކު، އޭނާގެ އާއިލާގެ ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލެއް ހިންގުމަށް، އެކުއްޖާއަށް ހިތްވަރު ދިނުމަކީ ކުށެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
17 ވަނަ މާއްދާ - އަގުދޭގޮތަށް ޖިންސީ އަމަލެއް ކުޑަކުއްޖަކާއެކު ހިންގުން
(ހ) އަގުދޭގޮތަށް، މީހަކު، ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގައިފިނަމަ، ނުވަތަ އެކަން ކޮށްފައިވަނީ އެކަންކުރުމުގެ ކުރިން އެކުއްޖާއަށް އެއްވެސް އަގެއް ދޭނެކަމަށް އެކުއްޖާއަށް ވިސްނައިދީގެން ކަމަށްވާނަމަ، އެމީހަކު އެކުރަނީ ކުށެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ 15 އަހަރާއި 21 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
(ނ) މި މާއްދާގެ ބޭނުމަށްޓަކައި، "އަގުދިނުން" ކަމަށް ބަޔާންކޮށްފައިއެވަނީ މާލީ އިނާޔަތެއް، ނުވަތަ ފައިސާގެ އިނާޔަތެއް ދިނުމަށެވެ. ނުވަތަ ކުޑަކުއްޖާ އަދާކުރަންޖެހިފައިވާ އަގެއް އޭނާގެ ފަރާތުން އަދާކޮށްދިނުމަށެވެ. ނުވަތަ ކުޑަކުއްޖާ ގަންނަންޖެހޭ އެއްޗެއް ގަނެދިނުމަށް ނުވަތަ ކުޑަކުއްޖާ ބޭނުންވާ ހިދުމަތަކަށް ފައިސާ ދައްކައިދިނުމަށް، ނުވަތަ ހަދިޔާއެއްގެ ގޮތުގައި ފައިސާ ދިނުމަށް، ނުވަތަ ފައިސާގެ އަގުހުރި އެއްޗެއް ދިނުމަށެވެ.
18 ވަނަ މާއްދާ - ކުޑަކުދިން މެދުވެރިކޮށް އޮރިޔާންކާޑު ހެދުން ނުވަތަ ހަށިވިއްކުން
(ހ) މީހަކު، ކުޑަކުއްޖަކު ލައްވައި ގަސްތުގައި ހަށިވިއްކުވައިފިނަމަ، ނުވަތަ އޮރިޔާންކާޑު ހެދުމުގައި އެ ކުޑަކުއްޖާ، ބައިވެރިކުރުވައިފިނަމަ، ނުވަތަ އެ ކުޑަކުއްޖާގެ ޖިންސީ ގުނަވަނެއް ހާމަކޮށް ފެންނަގޮތަށް، އޮރިޔާންކާޑު ހަދައިފިނަމަ، އެމީހަކު އެ ކުރަނީ ކުށެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
19 ވަނަ މާއްދާ - މަޖުބޫރުން ހަށިވިއްކުވުމާއި އޮރިޔާންކާޑު ހެއްދުން
(ހ) މީހަކު، ކުޑަކުއްޖަކަށް މަޖުބޫރުކޮށްގެން ނުވަތަ އޭނާ ކޮންޓްރޯލްކޮށްގެން، ނުވަތަ އޭނާގެ މިނިވަންކަން ގެއްލިގެންދާގޮތަކަށް އޭނާ ހިފަހައްޓައިގެން، އޭނާ ލައްވައި ހަށިވިއްކުވައިފިނަމަ، ނުވަތަ އޮރިޔާންކާޑު ހެދުމުގައި ބައިވެރިކުރުވައިފިނަމަ، އެކުރަނީ ކުށެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
20 ވަނަ މާއްދާ - މަސްތުކުރުވައިގެން ޖިންސީ އަމަލު ހިންގުން
(ހ) ކުޑަކުއްޖަކަށް މަސްތުވާއެއްޗެއް ދީގެން، ނުވަތަ އެކުއްޖާގެ އަމިއްލަ ވިސްނުމުގެ ބާރު ކަނޑުވާލެވޭކަހަލަ އެއްޗެއް ދީގެން، ނުވަތަ އެކުއްޖާގެ އަމިއްލަ ނަފްސުގެ މައްޗަށް އެކުއްޖާގެ އަމިއްލަ އިހްތިޔާރު ގެއްލޭކަހަލަ އެއްޗެއްދީގެން، އެކުއްޖާއާއެކު، މީހަކު ޖިންސީ އަމަލެއް ހިންގައިފިނަމަ ނުވަތަ ހިންގުވައިފިނަމަ، އެކުރަނީ ކުށެކެވެ.
(ށ) "އެއްޗެއް ދީގެން" ކަމަށް މި މާއްދާގެ ބޭނުމަށްޓަކައި ބުނެފައިއެވަނީ، އެއްޗެއް ކާންދީގެން ނުވަތަ ބޯންދީގެން ނުވަތަ ހަށިގަނޑުގެ ތެރެއަށް އެނޫންވެސް ގޮތަކަށް އެއްޗެއް ވާސިލުކުރުވުމަށެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ 25 އަހަރުގެ މުއްދަތަކަށް ޖަލަށްލުމެވެ.
21 ވަނަ މާއްދާ - ޖިންސީ އަމަލެއް ހިންގުމަށް ގެއަކަށް ވަނުން
(ހ) ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ނިޔަތުގައި، އެކުއްޖާ ހުންނަ ގެއަށް ނުވަތަ އެކުއްޖާ އެވަގުތަކު ހުރި ތަނަކަށް މީހަކު ވަނުމަކީ ކުށެކެވެ.
(ށ) މި މާއްދާގެ ބޭނުމަށްޓަކައި "ގެއެއް" ނުވަތަ "ތަނެއް" ގެ މާނައިގައި އިމާރާތާއި، އެ އިމާރާތާ އިންވެގެންވާ ގޯތިތެރެ ހިމެނެއެވެ. އަދި އެއްގަމު އުޅަނދުފަހަރާއި ކަނޑުގެ އުޅަނދުފަހަރުވެސް ހިމެނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ 1 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
22 ވަނަ މާއްދާ - ޖިންސީ ގުނަވަނެއް ދެއްކުން
(ހ) މީހަކު ކުޑަކުއްޖަކަށް، އެމީހެއްގެ ޖިންސީ ގުނަވަނެއްކަމަށް ބެލެވޭ އެއްވެސް ތަނެއް ދައްކައިފިނަމަ، ނުވަތަ އެމީހަކު ލައިގެން ހުރި ހެދުމެއްގެ ބޭރުން ކުޑަކުއްޖަކަށް ފެންނާނެ ގޮތަކަށް ޖިންސީ ގުނަވަނެއް ހާމަކޮށްގެން ހުރިނަމަ، އެމީހަކު އެކުރަނީ ކުށެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ 3 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ.
23 ވަނަ މާއްދާ - އެކަކަށްވުރެ ގިނަމީހުން ބައިވެރިވެގެން ކުށެއްކުރުން
(ހ) މި ގާނޫނުގައި ކުށެއްކަމަށް ބަޔާންކޮށްފައިވާ ކުށެއް ކުޑަކުއްޖަކާއެކު ކުރީ، އެކަކަށްވުރެ ގިނަމީހުން، އެއް ނިޔަތަކުން ނުވަތަ އެއް މަގްސަދަކުން ގުޅިގެންތިބެކަމަށްވާނަމަ، އެއިން ކޮންމެ މީހަކީ، އެ ކުޑަކުއްޖާއާއެކު، ވަކިވަކިން އެކުށްކުރި މީހެއްކަމުގައި ބެލެވޭނެއެވެ. އެކިމީހުން އެ ކުށުގެ އަމަލުގައި ބައިވެރިވެފައިވަނީ އެކި މިންވަރަށްކަމުގައި ވީނަމަވެހެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
ތިންވަނަ ބައި
ރުހުން
24 ވަނަ މާއްދާ - 13 އަހަރުން ދަށުގެ ކުޑަކުދިން
އުމުރުން 13 އަހަރުން ދަށުގެ ކުޑަކުއްޖަކީ އެއްވެސް ހާލަތެއްގައި، އެއްވެސްގޮތަކަށް، ޖިންސީ އަމަލެއް ހިންގުމަށް ރުހުންދެވިދާނެ މަގާމެއްގައި ހުރި ކުއްޖެއްކަމުގައެއް މި ގާނޫނުގެ ބޭނުމަށްޓަކައެއް ނުބެލެވޭނެއެވެ. އޭނާ ރުހުންދިންކަމުގައިވީނަމަވެސް، އެއީ، މި ގާނޫނުގެ މަގްސަދަށްޓަކައި ބާތިލު ރުހުމެކެވެ.
25 ވަނަ މާއްދާ - 13 އަހަރުން މަތީގެ ކުޑަކުދިން
އެހެންގޮތަކަށް ސާބިތުނުވާހާހިނދަކު، އުމުރުން 13 އަހަރާއި 18 އަހަރާ ދެމެދުގެ ކުޑަކުއްޖަކު ޖިންސީ އަމަލެއް ހިންގުމަށް ރުހުނުކަމުގައެއް ނުބެލެވޭނެއެވެ. އަދި އެހެންގޮތަކަށް ސާބިތުނުވާހާހިނދަކު، ބަލާނީ، ޖިންސީ އަމަލު ހިންގީ އެ ކުޑަކުއްޖާގެ ރުހުމުގައި ނޫންކަމަށެވެ.
ހަތަރުވަނަ ބައި
ބައެއް ހައްގުތައް ހިފެހެއްޓިގެންވުން
26 ވަނަ މާއްދާ - ގާނޫނުއަސާސީން ލިބިދޭ ބައެއް ހައްގުތައް ހިފެހެއްޓިގެންވުން
މި ގާނޫނުގެ ދަށުން ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ ނުވަތަ ހައްޔަރުކުރެވޭ މީހާއަށް ގާނޫނުއަސާސީން ލިބިދޭ ހައްގުތަކުގެ ތެރެއިން، މި ބާބުގެ އަންނަނިވި މާއްދާތަކުގައި ބަޔާންކޮށްފައިވާ ހައްގުތައް، އެ މާއްދާތަކުގައި ބަޔާންކޮށްފައިވާ މިންވަރަށް ހިފެހެއްޓިގެންވެއެވެ.
27 ވަނަ މާއްދާ - ހަނުހުރުމުގެ ހައްގު ހިފެހެއްޓިގެންވުން
ގާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ނ) ގެ ދަށުން ތިމާއަކީ ކާކުކަން އަންގައިދިނުން ފިޔަވައި، އިތުރު އެއްވެސް މައުލޫމާތެއް ނުދީ ހަނުހުރުމުގެ ހައްގު ލިބިދީފައިވީނަމަވެސް، މި ގާނޫނުގެ ދަށުން ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހާއަށް، އެ ހައްގު، އެއްވެސް މިންވަރަކަށް ލިބިގެނެއްނުވެއެވެ.
28 ވަނަ މާއްދާ - ތަހްގީގުގެ މަރުހަލާގައި ބަންދުން މިނިވަންވުމުގެ ހައްގު ހިފެހެއްޓިގެންވުން
ކުށެއްގެ ތުހުމަތުކުރެވިފައިވާ މީހަކު، އެމީހާ ހިމެނޭ މައްސަލައިގެ ހެކި ފޮރުވުމަށް، ނުވަތަ ހެކިބަސްދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށްޓަކައި، ނުވަތަ ކޯޓަށް ހާޒިރުނުވެދާނެކަމަށްޓަކައި، ނުވަތަ ފިލާފާނެކަމަށްޓަކައި، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައި މެނުވީ، ށަރީއަތުން ހުކުމްކުރުމުގެ ކުރިން މީހަކު ބަންދުގައި ބަހައްޓައިގެނެއް ނުވާނެކަމަށް، ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވީނަމަވެސް، މި ގާނޫނުގެ ދަށުން ކުށެއްގެ ތުހުމަތުކުރެވޭ މީހާ ބަންދުން ދޫކޮށްލައިފިނަމަ، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބަލައި، އަދި ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށް ބަލައި، ތަހްގީގުގެ މަރުހަލާއާއި ށަރީއަތުގެ މަރުހަލާ ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމަށް، ފަނޑިޔާރަށް މަގުފަހިކޮށްދިނުމަށްޓަކައި، އެ ހައްގު އެ މިންވަރަށް މި ގާނޫނުގެ ބޭނުމަށްޓަކައި ހިފެހެއްޓިގެންވެއެވެ.
29 ވަނަ މާއްދާ - ހައްގުތައް ހިފެހެއްޓުމުގައި ގާނޫނުއަސާސީގެ 16 ވަނަ މާއްދާއަށް ރިއާޔަތްކުރުން
(ހ) މި ގާނޫނުގެ 27 ވަނަ މާއްދާއާއި 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަސާސީ ހައްގުތައް ހިފެހެއްޓިފައިވަނީ، ގާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.
(ށ) މި ގާނޫނުގެ ދަށުން އެ ހައްގުތައް އެ މިންވަރަށް ހިފެހެއްޓިގެންވަނީ ގާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިންތޯ ކޯޓުން ކަނޑައެޅުމުގައި، ގާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ 6 ނުކުތާއަށްވެސް، މި ގާނޫނުގެ ދަށުން، އެ އަސާސީ ހައްގުތައް އެ މިންވަރަށް ހިފެހެއްޓުމުގައި، ރައްޔިތުންގެ މަޖިލީހުން ރިއާޔަތްކޮށްފައިވާކަމަށް ކޯޓުން ބަލަންވާނެއެވެ.
ފަސްވަނަ ބައި
ބަންދުގައި ބެހެއްޓުން
30 ވަނަ މާއްދާ - ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް އެދުން
(ހ) މި ގާނޫނުގެ ދަށުން ކުށުގެ ތުހުމަތުކުރެވޭ މީހަކާމެދު، މި ގާނޫނުން ލިބިދޭ ހާއްސަ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށް، ފުލުހުންނަށް ފެނިއްޖެހިނދެއްގައި، މި ގާނޫނުގެ ދަށުން ކުށެއް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހާ ތަހްގީގުގެ މަރުހަލާއާއި ށަރީއަތުގެ މަރުހަލާ ނިމެންދެން، ބަންދުގައި ދެމެހެއްޓުމުގެ އަމުރެއް ހޯދުމަށް، ޕްރޮސިކިއުޓަރ ޖެނެރަލް ކޯޓަށް ހުށަހަޅައިދިނުން އެދި، ކޮމިށަނަރ އޮފް ޕޮލިސްއަށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ ގާތުގައި އެދެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ އެދުމެއް ކޮމިށަނަރ އޮފް ޕޮލިސް ސޮއިކޮށް ފޮނުވާ ލިޔުމަކުން، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހަޅައިފި ހިނދެއްގައި، ޕްރޮސިކިއުޓަރ ޖެނެރަލް ބަލަންޖެހޭ މިންގަނޑުތަކުން ބެލުމަށްފަހު، ވީއެންމެއަވަސް ފުރުސަތެއްގެ ތެރޭގައި، އެފަދަ އަމުރަކަށް އެދި ކޯޓަށް މައްސަލަ ހުށަހަޅަންވާނެއެވެ.
31 ވަނަ މާއްދާ - ޕްރޮސިކިއުޓަރ ޖެނެރަލް ސާބިތުކޮށްދޭންޖެހޭނެ ކަންކަން
މި ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް، ކޯޓުގެ އަމުރަކަށް އެދި ހުށަހަޅާ މައްސަލައެއްގައި އަންނަނިވި ކަންކަން، ޕްރޮސިކިއުޓަރ ޖެނެރަލް، ކޯޓަށް ސާބިތުކޮށްދޭންވާނެއެވެ.
(ހ) މުޖުތަމައުގައި ހިމެނޭ ކުޑަކުދިން ރައްކާތެރިކުރުމަށްޓަކައި، ކުށުގެ ތުހުމަތުކުރެވިފައިވާ މީހާ ބަންދުގައި ބެހެއްޓުން ކޮންމެހެން ބޭނުންކަން.
(ށ) ކުށުގެ ތުހުމަތުކުރެވިފައިވާ މީހާ ބަންދުގައި ނުބަހައްޓައިފިކަމަށްވާނަމަ، އެފަދަ ކުށެއް އަލުން ތަކުރާރުކޮށްފާނެކަން، ނުވަތަ މައްސަލައިގެ ހެކި ފޮރުވަފާނެކަން، ނުވަތަ ހެކީންނަށް ނުފޫޒު ފޯރުވަން މަސައްކަތްކޮށްފާނެކަން.
32 ވަނަ މާއްދާ - ކޯޓުން ރިއާޔަތްކުރާނެ ކަންކަން
ތަހްގީގުގެ މަރުހަލާގައާއި ށަރީއަތުގެ މަރުހަލާގައި ބަންދުގައި މީހަކު ދެމެހެއްޓުމަށް، މި ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުން ހުށަހަޅާ މައްސަލައެއްގައި، އަމުރެއްކުރުމުގެ ކުރިން، އަންނަނިވި ކަންކަމަށް ކޯޓުން ރިއާޔަތްކުރަންވާނެއެވެ.
(ހ) ސިއްހީ، ނަފްސާނީ، އަދި ސައިކިއޭޓްރީއާގުޅޭ ދާއިރާގެ ތަޖުރިބާކާރުން އެކަމާގުޅޭގޮތުން ދެކޭގޮތް.
(ށ) ކުށުގެ ތުހުމަތު ކުރެވިފައިވާ މީހާ ކޮށްފައިވާ ކުށް.
(ނ) ކުށުގެ ތުހުމަތުކުރެވިފައިވާ މީހާ ކޮށްފައިވާ ކުށުގެ ސަބަބުން ގެއްލުން ލިބިފައިވާ ކުއްޖާގެ ހާލަތާއި އެކުއްޖާގެ އުމުރު.
(ރ) ކުށް ކޮށްފައިވަނީ، ކުޑަކުއްޖާއަށް އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކުކަން ނުވަތަ ނޫންކަން.
(ބ) ކުށުގެ ތުހުމަތުކުރެވޭ މީހާގެ މާޒީގައި، އޭނާގެ މައްޗަށް އެފަދަ ކުށުގެ ތުހުމަތު އުފުލިފައިވާކަން ނުވަތަ ނޫންކަން.
(ޅ) އެކުށް ތަހްގީގުކުރުމަށް އޭނާ އެހީތެރިވެދީފައިވާ މިންވަރު.
(ކ) ކުށުގެ ތުހުމަތުކުރެވިފައިވާ މީހާގެ ޖިނާއީ ކުށުގެ ރެކޯޑު.
(އ) ތަހްގީގުގެ މަރުހަލާއާއި ށަރީއަތުގެ މަރުހަލާގައި ބަންދުގައި ނުބަހައްޓައިފިނަމަ، ކުށުގެ ތުހުމަތުކުރެވިފައިވާ މީހާ އިތުރު ކުށެއް ކޮށްފާނެކަމަށް ނުވަތަ ހެކި ފޮރުވަފާނެކަމަށް ނުވަތަ ހެކީންނަށް ނުފޫޒު ފޯރުވަފާނެކަމަށް ބެލެވޭ ނިސްބަތުގެ ބޮޑުކަން.
(ވ) މައްސަލައާ ގުޅުންހުރި އެހެނިހެން ހެއްކާއި ގަރީނާއާއި ހާލަތު.
33 ވަނަ މާއްދާ - ވަގުތީ އަމުރުކުރުން
(ހ) މި ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުން މައްސަލައެއް ކޯޓަށް ހުށަހެޅުމުން، އެކަމާމެދު ކޯޓުން ގޮތެއް ނިންމަންދެން، ކުށުގެ ތުހުމަތުކުރެވިފައިވާ މީހާ، ކުށުގެ ތަހްގީގުގެ މަރުހަލާގައި ގިނަވެގެން 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ވަގުތީ އަމުރެއް ނެރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.
(ށ) ތަހްގީގުގެ ދާއިރާގައި ކުރަންޖެހޭ ކަންކަން އެކަށީގެންވާގޮތުގައި ކޮށްގެންވެސް، ކުށުގެ ތުހުމަތުކުރެވޭ މީހާ ބަންދުގައި ބަހައްޓައިގެން 30 ދުވަސް ހަމަވާއިރު، އެ މައްސަލައިގެ ތަހްގީގު މުޅިން ނިންމާލެވިފައިނުވާނަމަ، އިތުރު 30 ދުވަހުގެ މުއްދަތަށްވުރެ އިތުރުނުވާނެ ގޮތުގެމަތިން، އޭނާ ބަންދުގައި ހުރި މުއްދަތު އިތުރުކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން އިތުރުކުރެވޭ މުއްދަތުގެ ތެރޭގައި، ޕްރޮސިކިއުޓަރ ޖެނެރަލް މި ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުން ހުށަހަޅާފައިވާ މައްސަލަ ކޯޓުން އަވަސްގޮތަކުން ބަލައި ހުކުމެއް ކަނޑައަޅަންވާނެއެވެ.
34 ވަނަ މާއްދާ - ކޯޓުން އެދެވިދާނެ ކަންކަން
ކޯޓުން ބޭނުންކަމަށްވާނަމަ، މި ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ މައްސަލައެއް ބެލުމުގައި، ކޯޓުން ކަނޑައަޅާ ސައިކިއޭޓްރިސްޓަކު ނުވަތަ ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި މަސައްކަތްކުރާ މީހަކު އައްޔަންކޮށްގެން، އެމީހަކު އެކަމާމެދު ދެކޭގޮތް އޮޅުންފިލުވުމުގެގޮތުން އެމީހެއްގެ ރިޕޯޓަކަށް އެދެވިދާނެއެވެ.
35 ވަނަ މާއްދާ - ބަންދުގައި ބެހެއްޓުމުގެ އަމުރު
(ހ) ތަހްގީގުގެ މަރުހަލާއާއި ށަރީއަތުގެ މަރުހަލާގައި މީހަކު ބަންދުގައި ދަމަހައްޓަން ކޯޓަށް ފެނިއްޖެނަމަ، ބަންދުގައި ދެމެހެއްޓުމުގެ އަމުރެއް ކޯޓަށް ކުރެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަމުރު ނިމުމަކަށްގެނެވޭނީ ކުށުގެ ށަރީއަތުގެ ފުރަތަމަ މަރުހަލާ ނިމުމުން ނުވަތަ އެ އަމުރު ނެރުނު ކޯޓުން އެ އަމުރު ބާތިލުކުރުމުންނެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަމުރެއް ނެރޭއިރު، އެ އަމުރު ނެރެން ކޯޓުން ބުރަވި ސަބަބުތައް ތަފްސީލުކޮށް ބަޔާންކުރަންވާނެއެވެ.
36 ވަނަ މާއްދާ - އަމުރު މުރާޖައާކުރުން
(ހ) ތަހްގީގުގެ މަރުހަލާއާއި ށަރީއަތުގެ މަރުހަލާ ނިމެންދެން، މީހަކު ބަންދުގައި ދެމެހެއްޓުމަށް ކޮށްފައިވާ އަމުރެއްގެ ދަށުން މީހަކު ބަންދުގައި ހުރި މުއްދަތު ދިގުވެއްޖެކަމަށް ކޯޓަށް ފާހަގަކުރެވިއްޖެކަމަށްވާނަމަ، ނުވަތަ އެމީހެއްގެ ބަލަދުވެރިންގެ ފަރާތުން އެފަދަ މައްސަލައެއް ކޯޓަށް ހުށަހަޅައިފިކަމަށްވާނަމަ، ކޯޓުން އެ މައްސަލަ މުރާޖައާކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން މައްސަލައެއް މުރާޖައާކުރުމުގައި، އެ މައްސަލައިގައި އެހާތަނަށް ކުރެވިފައިވާ މަސައްކަތާއި އެ މައްސަލައިގައި ހޭދަވެފައިވާ ވަގުތާއި، ކުށުގެ ތުހުމަތުކުރެވިފައިވާ މީހާއާމެދު ކަންކަން ކުރެވެމުންދާ ގޮތާބެހޭގޮތުން މައުލޫމާތު ސާފުކުރަންވާނެއެވެ. މިކަން ކުރާނީ ފުލުހުންނާއި ކުށުގެ ތުހުމަތުކުރެވިފައިވާ މީހާގެ ހާޒިރުގައި ށަރުއީ މަޖިލީހެއްގައެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން މައްސަލައެއް ކޯޓުން މުރާޖައާކުރާއިރު، ކުށުގެ ތުހުމަތުކުރެވިފައިވާ މީހާއަކީ، ތަހްގީގުގެ މަރުހަލާގައާއި ށަރީއަތުގެ މަރުހަލާގައި ބަންދުގައި ބެހެއްޓުން ކޮންމެހެން ބޭނުން މީހެއް ނޫންކަމަށް، ނުވަތަ އޭނާ ބަންދުގައި ދެމެހެއްޓުމަށް އަމުރުކުރިއިރު އޮތް ހާލަތު މިހާރު ބަދަލުވެއްޖެކަމަށް، ކޯޓަށް ފެނިއްޖެކަމަށްވާނަމަ، ނުވަތަ އެ އަމުރު އެގޮތަށް ދެމެހެއްޓުމުގެ ބޭނުމެއް އިތުރަށް ނެތްކަމަށް ކޯޓަށް ފެނިއްޖެކަމަށްވާނަމަ، އެ ހިސާބުން އެ އަމުރު ބާތިލުކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.
ހަވަނަ ބައި
ބަލަހައްޓަމުންދިޔުމުގެ އަމުރު
37 ވަނަ މާއްދާ - ބަލަހައްޓަމުންދިޔުމުގެ އަމުރަށް އެދުން
(ހ) ކުޑަކުއްޖަކާއެކު މީހަކު ޖިންސީ އަމަލު ހިންގުމުގެ ކުށް ސާބިތުވެ، އެ ކުށުގެ ހުކުމް ކުށްވެރިޔާ ތަންފީޒުކޮށް ނިމުނުކަމަށްވީނަމަވެސް، އެ ކުށްވެރިޔާގެ ފަރާތުން މުޖުތަމައަށް ލިބިދާނެ ގެއްލުމަކަށްޓަކައި، ނުވަތަ އެހެން ކުޑަކުއްޖަކަށް ލިބިދާނެ ގެއްލުމަކަށްޓަކައި، ނުވަތަ އެމީހެއްގެ އަމިއްލަ އާއިލާގެ ކުޑަކުއްޖަކާއި، ނުވަތަ އެމީހެއްގެ އުފަންދަރިޔަކާއެކު، ޖިންސީ އަމަލެއް ހިންގާފައިވާ މީހަކުނަމަ، އެމީހެއްގެ އުފަންދަރިންގެ އުމުރުން 18 އަހަރު ފުރިހަމަވަންދެން އެފަދަ ޖިންސީ އަމަލެއް ކުޑަކުއްޖަކާއެކު ހިންގުމަށް މަގުފަހިނުވާނެ ގޮތެއްގެމަތިން، ދައުލަތުން އޭނާ ބަލަހައްޓަމުންދިޔުމުގެ އަމުރެއް ނެރެދިނުން އެދި ކޯޓުގައި، ދައުލަތަށް އެދެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާފަދަ އަމުރަކަށް އެދޭނީ ކުށްވެރިޔާގެ ހުކުމް ހަމަވުމަށް، 6 މަސްދުވަހަށްވުމުން، އެ 6 މަސްދުވަހުގެ ތެރޭގައި، ޕްރޮސިކިއުޓަރ ޖެނެރަލެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާފަދަ އަމުރަކަށް އެދި ހުށަހެޅުމެއް ހުށަހަޅާއިރު، އޭނާ އަލުން އެފަދަ ކުށެއް ކޮށްފާނެކަމަށް އެކަށީގެންވާގޮތުގައި ބެލެވިދާނެކަމަށް ސަނަދުލިބިފައިވާ ސައިކިއޭޓްރިސްޓެއް ނުވަތަ ސައިކޮލޮޖިސްޓެއް ނުވަތަ ޑޮކްޓަރެއްގެ ފަރާތުން ބުނާބުނުމުގެ ލިޔުން، ޕްރޮސިކިއުޓަރ ޖެނެރަލް ކޯޓަށް ހުށަހަޅަންވާނެއެވެ.
(ރ) ކޯޓަށް މައްސަލަ ހުށަހެޅުމަށްފަހު، އެ ހުށަހެޅި މައްސަލައިގެ ކޮޕީ ކޯޓަށް މައްސަލަ ހުށަހެޅިތާ 7 ދުވަހުގެ ތެރޭގައި އެ މައްސަލަ ރައްދުވާ ކުށްވެރިޔާއަށާއި ބަލަދުވެރިޔާއަށްވެސް ޕްރޮސިކިއުޓަރ ޖެނެރަލް ރައްދުކޮށްދޭންވާނެއެވެ.
(ބ) މި މާއްދާގެ (ހ) ގެ ދަށުން ހިނގާ މައްސަލައެއްގައި، ކޯޓަށް ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ އެއްވެސް ހެއްކެއް ނުވަތަ ލިޔުމެއް ނުވަތަ އެހެންވެސް މައުލޫމާތެއްވާނަމަ، އޭގެ ކޮޕީވެސް މައްސަލަ ރައްދުވާ ފަރާތަށާއި ބަލަދުވެރިޔާއަށްވެސް ޕްރޮސިކިއުޓަރ ޖެނެރަލް ރައްދުކުރަންވާނެއެވެ.
38 ވަނަ މާއްދާ - ބެލެހެއްޓުމުގެ އަމުރަކަށް އެދުމުން މައްސަލަ ބެލުން
(ހ) މި ގާނޫނުގެ 37 ވަނަ މާއްދާގައި ބަޔާންކުރާފަދަ އަމުރަކަށް އެދި ހުށަހެޅުމެއް ހުށަހަޅާތާ ގިނަވެގެން 45 ދުވަހުގެތެރޭގައި އެކަމާބެހޭގޮތުން ކޯޓުން ގޮތެއް ނިންމަންވާނެއެވެ.
(ށ) ކޯޓުން ބަލާބެލުމުގައި، ދައުލަތުން އޭނާ ބަލަހައްޓަމުންދިޔުމުގެ އަމުރެއް ކުރުމަކީ އެންމެ އެކަށީގެންވާ ކަމެއްކަމުގައިވާނަމަ، އަދި މައްސަލަ ބޮޑަށް ބުރަވަނީ އެގޮތަށްކަމުގައިވާނަމަ، އަންނަނިވި ބާވަތުގެ މީހުން މެދުވެރިކޮށް އޭނާއާމެދު ފެންނަގޮތެއް ބެލުމަށްފަހު ކޯޓަށް އެންގުމަށް، އަމުރުކުރެވިދާނެއެވެ. އަދި އެމީހުންގެ މަސައްކަތުގައި އެހީތެރިކަންދިނުމަށް ކުށްވެރިޔާއަށް ކޯޓުން އަމުރުކުރެވިދާނެއެވެ.
- ސައިކިއޭޓްރިސްޓުންގެ ދެ މީހުންނާއި ކްރިމިނޮލޮޖިސްޓެއް.
- ސައިކޮލޮޖިސްޓުންގެ ދެ މީހުންނާއި ކްރިމިނޮލޮޖިސްޓެއް.
- ސައިކިއޭޓްރިސްޓަކާއި ސައިކޮލޮޖިސްޓަކާއި ކްރިމިނޮލޮޖިސްޓެއް.
- ދެ ސައިކިއޭޓްރިސްޓުންނާއި ދެ ސައިކޮލޮޖިސްޓުންނާއި ކްރިމިނޮލޮޖިސްޓެއް.
39 ވަނަ މާއްދާ - އަމުރުކުރުމާއި އަމުރު ނުކުރުން
(ހ) މި ގާނޫނުގެ 38 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ފަރާތުން ހުށަހަޅާ ބަޔާންތަކަށް ބެލުމަށްފަހު، އެމީހަކީ އިތުރަށް އެފަދަ ކުށެއް ކޮށްފާނެ މީހެއްކަމަށް ނުފެންނަކަމަށްވާނަމަ، އެހާ ހިސާބުން އެ މައްސަލަ ނިމުމަކަށްގެންނަންވާނެއެވެ. އަދި އެފަދަ އަމުރެއް ކޮށްގެންނުވާނެއެވެ.
(ށ) މި ގާނޫނުގެ 38 ވަނަ މާއްދާގެ (ށ) ގައި ބުނާ ފަރާތުން ހުށަހަޅާ ހުށަހެޅުންތަކަށް ބެލުމުން، އޭނާ އިތުރު ކުށެއް ކޮށްފާނެކަމަށް އެމީހުންނަށް ގަބޫލުކުރެވޭކަމަށް ބުނެފައިވާނަމަ، ގިނަވެގެން 3 އަހަރުދުވަހުގެ މުއްދަތަށް، ވަކި އުސޫލުތަކެއްގެމަތިން، އެ ކުށްވެރިޔާ ބަލަހައްޓަމުން ދިޔުމަށް ދައުލަތުގެ މައްޗަށް، ކޯޓުން އަމުރުކުރެވިދާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން އަމުރުކުރެވި 3 އަހަރު ހަމަވުމަށް 6 މަސްދުވަހަށްވުމުން، މި ގާނޫނުގެ 37 ވަނަ މާއްދާގައިވާ ގޮތުގެމަތިން، އަލުން އަމަލުކުރުމުގެ އިހްތިޔާރު ދައުލަތަށް ލިބިގެންވެއެވެ.
40 ވަނަ މާއްދާ - އަމުރުކުރުމުގައި ބަލަންވީ ކަންކަން
ކުށްވެރިޔަކު ބަލަހައްޓަމުން ދިޔުމުގެ އަމުރެއް މި ގާނޫނުގެ 38 ވަނަ މާއްދާގެ ދަށުން ކުރުމުގެކުރިން، ކޯޓުން އާންމު އުސޫލުން ބަލާނެ ކަންކަމުގެ އިތުރަށް، އަންނަނިވި ކަންކަމަށް ކޯޓުން ރިއާޔަތްކުރަންވާނެއެވެ.
(ހ) މުޖުތަމައުގެ ރައްކާތެރިކަން އެގޮތުގައި ދެމެހެއްޓުން.
(ށ) ކޯޓުން އައްޔަންކުރި ސައިކިއޭޓްރިސްޓުން ނުވަތަ ސައިކޮލޮޖިސްޓުން ނުވަތަ ކްރިމިނޮލޮޖިސްޓެއްގެ ބަޔާންތަކުން ދޭހަވާ މައުލޫމާތު.
(ނ) ކޯޓުން އައްޔަންކުރި މީހުންނަށް ކުށްވެރިޔާ އެހީތެރިކަންދިން މިންވަރު.
(ރ) ސައިކިއޭޓްރިސްޓުން ނުވަތަ ސައިކޮލޮޖިސްޓުން ނުވަތަ ކްރިމިނޮލޮޖިސްޓަކަށް ފާހަގަކުރެވުނު ކަންކަން.
(ބ) އެ ކުށްވެރިޔާއާ އެއްބާވަތުގެ ކުށް ކޮށްފައިވާ މީހުންގެ އާންމު ތަފާސްހިސާބުތަކަށާއި އާންމު ތާރީހުތަކަށް ބަލާއިރު، ނުވަތަ އެމީހުންގެ މާޒީއަށް ބަލާއިރު، ކުށްކުރުން ތަކުރާރުކޮށްފައިވާ ނިސްބަތް.
(ޅ) ކުށްވެރިޔާ އިސްލާހުވުމަށް އެއްވެސްކަހަލަ އިސްލާހީ ޕްރޮގްރާމެއްގައި ބައިވެރިވެފައިވާނަމަ އެކަން، ނުވަތަ އެފަދަ ކަމެއްގައި އޭނާ ބައިވެރިވުމަށް އެދިފައިވާނަމަ، އެކަން ނުވަތަ އެފަދަ ކަމެއްގައި އޭނާ ބައިވެރިވެގެން ކުރިއަށްދާނަމަ، އޭނާ ބައިވެރިވަމުންދާ ނިސްބަތް.
(ކ) ކުށްވެރިޔާގެ ކުށުގެ ރެކޯޑު.
(އ) ދެވަނަ ފަހަރަށް އޭނާ ޖިންސީ ކުށެއް ކޮށްފާނެކަމަށް ބެލެވިދާނެ އިތުރު ކަންކަން.
41 ވަނަ މާއްދާ - ބެލެހެއްޓުމުގެ އަމުރު ހިނގަންފަށާ ތާރީހު
(ހ) މި ގާނޫނުގެ 39 ވަނަ މާއްދާގެ (ށ) ގެ ދަށުން، ކޯޓުން ކުރާ، ކުށްވެރިޔަކު ބެލެހެއްޓުމުގެ އަމުރެއް ހިނގަންފަށާނީ، އެ އަމުރެއްކުރާ ތާރީހު ނުވަތަ އޭނާ އެވަގުތު ހުރި ބަންދު ނިމުމަކަށް އަންނަ ތާރީހުގެ ތެރެއިން ފަހުން ބައްދަލުކުރާ ތާރީހަކުން ފެށިގެންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަމުރު ނިމުމަކަށް އަންނާނީ، އެ އަމުރުގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުންނެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަމުރުކުރުމުން، ދައުލަތުގެ ފަރާތުން އެ އަމުރު ތަންފީޒުކުރުމާ ހަވާލުވާނީ ގައިދީންގެ ކަންތައްތައް ބަލަހައްޓާ އިދާރާއިން އެކަމަށް އައްޔަންކުރާ ކަރެކްށަން އޮފިސަރެކެވެ.
42 ވަނަ މާއްދާ - ބެލެހެއްޓުމުގެ އަމުރުގައި ށަރުތު ހިމެނުން
ކުށްވެރިޔަކު ބެލެހެއްޓުމުގެ އަމުރެއް ކޯޓުން ކުރުމުގައި، އަންނަނިވި ށަރުތުތަކުގެ ތެރެއިން ށަރުތެއް ނުވަތަ ށަރުތުތަކެއް ހިމެނޭގޮތަށްވެސް އެ އަމުރުކުރެވިދާނެއެވެ. އަދި ކުށްވެރިޔާ އެ ށަރުތުތަކާ އެއްގޮތަށް އަމަލުކުރަމުންދިޔުމަށްވެސް، ކޯޓުން އަމުރުކުރެވިދާނެއެވެ.
(ހ) ކުށްވެރިޔާއާ ހަވާލުވާ ކަރެކްށަން އޮފިސަރު ކަނޑައަޅާ މުއްދަތެއްގައި، ކަނޑައަޅާ ވަގުތެއްގައި، ކުށްވެރިޔާ ހުންނަ ގެއަކަށް ޒިޔާރަތްކުރުން.
(ށ) ކުށްވެރިޔާ، އޭނާއަށް އައްޔަންކޮށްފައިވާ ކަރެކްށަން އޮފިސަރާ ވަކި މުއްދަތުތަކަކުން ބައްދަލުކުރާގޮތަށް ކަނޑައެޅުން.
(ނ) ކުށްވެރިޔާގެ އެޑްރެހަށް އެއްވެސް ބަދަލެއް އައިސްފައިވާނަމަ، އެކަން ކަރެކްށަން އޮފިސަރަށް އެންގުން.
(ރ) ގައިދީންގެ ކަންތައްތައް ބަލަހައްޓާ އިދާރާއިން ކަނޑައަޅާ ނުވަތަ ކޯޓުން ކަނޑައަޅާ ވަކިފަރުވާއެއް ނުވަތަ އިސްލާހީ ޕްރޮގްރާމެއްގައި ކުށްވެރިޔާ ބައިވެރިވުން.
(ބ) ވަކި ތަންތަނަކަށް ކުށްވެރިޔާ ނުދިޔުމާއި ވަކި ތަންތަނަކުން ކުށްވެރިޔާ ނުފެނުން.
(ޅ) ވަކިތަންތަނެއްގައި ކުށްވެރިޔާ ދިރިނޫޅުން.
(ކ) ވަކިބަޔަކާ ކުށްވެރިޔާ ބައްދަލުނުކުރުން.
(އ) ވަކިބަޔަކާ ނުވަތަ ވަކި ގިންތިއެއްގެ ބަޔަކާ ކުށްވެރިޔާ ގުޅަން ނޫޅުން.
(ވ) ވަކިކަހަލަ އަމަލުތަކެއް ނުވަތަ ވަކި ބާވަތްތަކެއް އަމަލުތަކެއް ކުށްވެރިޔާ ނުކުރުން.
(މ) ވަކި ވައްތަރެއްގެ ވަޒީފާއެއް ކުށްވެރިޔާ އަދާނުކުރުން ނުވަތަ ވަކި ބާވަތްތަކެއްގެ ވަޒީފާ ކުށްވެރިޔާ އަދާނުކުރުން.
(ފ) އޭނާގެ ނަން ބަދަލުނުކުރުން.
43 ވަނަ މާއްދާ - ބެލެހެއްޓުމުގެ އަމުރަކާ ހިލާފުވުން
(ހ) ބެލެހެއްޓުމުގެ އަމުރެއްގައިވާ ށަރުތުތަކާ ހިލާފުވުމަކީ ނުވަތަ އެ އަމުރާ ހިލާފުވުމަކީ ކުށެކެވެ.
(ށ) އެ ކުށް ކުރާ މީހާގެ އަދަބަކީ ގިނަވެގެން 2 އަހަރުދުވަހަށް ޖަލަށްލުމެވެ.
44 ވަނަ މާއްދާ - ސައިކިއޭޓްރިސްޓުންގެ މަސްއޫލިއްޔަތުތައް
މި ގާނޫނުގެ ދަށުން ކުށްވެރިއަކު ބެލުމަށް، ނުވަތަ ކުށުގެ ތުހުމަތުކުރެވޭ މީހަކު ބެލުމަށް އައްޔަންކުރެވޭ ކޮންމެ ސައިކިއޭޓްރިސްޓަކުމެ، އަންނަނިވި ކަންކަން އޭނާގެ ރިޕޯޓުގައި ހިމަނަންވާނެއެވެ.
(ހ) އޭނާ ބެލެހެއްޓުމުގެ ނިޒާމުގެ ތެރޭގައި ނުގެންގުޅެފިނަމަ، ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމަށް އޮތް ނިސްބަތް.
(ށ) ސައިކިއޭޓްރިސްޓަށް އެގޮތަށް ފެންނަ ސަބަބުތައް.
45 ވަނަ މާއްދާ - މައުލޫމާތު ހޯދުމާއި ލިބިގަތުން
(ހ) ސައިކިއޭޓްރިސްޓަކު މި ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ރިޕޯޓަކާގުޅިގެން އެއްވެސްކަހަލަ ސިއްހީ ރިޕޯޓެއް، ސައިކިއޭޓްރިކް ރިޕޯޓެއް، ޖަލުން ތައްޔާރުކޮށްފައިވާ ރިޕޯޓެއް، ނުވަތަ އޭނާގެ މަސައްކަތަށް މުހިންމު ވެދާނެކަމަށް ފެންނަ އެހެން ރިޕޯޓެއް ނުވަތަ މައުލޫމާތެއް، ހޯދަންއެދިއްޖެނަމަ ގައިދީންގެ ކަންތައްތައް ބަލަހައްޓާ އިދާރާއިން އެ ރިޕޯޓެއް ނުވަތަ މައުލޫމާތެއް އޭނާއަށް ހޯދައިދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހޯދަންއެދޭ މައުލޫމާތެއް ހުރި މީހެއްގެ ކިބައިން މި ގާނޫނުގެ ބޭނުމަށްޓަކައި އެ މައުލޫމާތަށް އެދެފިކަމަށްވާނަމަ، އެ މައުލޫމާތު ދިނުމަކީ ނުވަތަ ދޫކުރުމަކީ މި ގާނޫނު އެމީހެއްގެ މައްޗަށް ލާޒިމުކުރާ ކަމެކެވެ.
(ނ) އެހެން އެއްވެސް ގާނޫނަކުން ސިއްރު ހިފެހެއްޓުމަށް ލާޒިމުކޮށްފައިވާ ކަމެއް، މި ގާނޫނުގެ މަގްސަދު ހާސިލުވުމަށް ބޭނުންވާ މިންވަރަށް، މި ގާނޫނުގެ ދަށުން ކުރަންޖެހޭ ކަންކަމުގެ މައްޗަކަށް ނުހިނގާނެއެވެ.
ހަތްވަނަ ބައި
ށަރީއަތާގުޅޭ އުސޫލުތައް
46 ވަނަ މާއްދާ - ށަރީއަތުގެ މަޖިލީހާގުޅޭ ހައްގުތައް
ކުށްވެރިޔާއަށް، ނުވަތަ ކުށުގެ ތުހުމަތުގައިވާ މީހާއަށް، މި ގާނޫނުގެ އެއްވެސް މާއްދާއެއްގެ ދަށުން، ށަރީއަތުގެ މަޖިލީހުގައި ލިބިގެންވާ، އަންނަނިވި ހައްގުތަކަށް ހުރަހެއް ނެތެވެ.
(ހ) ކުށްވެރިޔާ އޭނާގެ އަމިއްލަ ހައިސިއްޔަތުން ނުވަތަ ވަކީލަކު މެދުވެރިކޮށް ދިފާއުވުން.
(ށ) ހެކިން ހާޒިރުކުރުން.
(ނ) ހެކިބަސް ދިނުން.
(ރ) އެއްފަރާތުން ހުށަހަޅާ ހެކިންނާ އަނެއް ފަރާތުން ފަނޑިޔާރު މެދުވެރިކޮށް ސުވާލުކުރުން.
(ބ) ކޯޓަށް ހުށަހަޅަންޖެހޭ އެހެނިހެން ލިޔެކިޔުންތައް ހުށަހެޅުން.
47 ވަނަ މާއްދާ - ހެކީގެ ނިސްބަތް
އެހެން ގާނޫނެއްގައި، ޖިނާއީ ކުށް ސާބިތުކުރުމަށް ބޭނުންވާ ހެކީގެ މިންގަނޑުކަމަށް ނުވަތަ ށަރީއަތަށް ގަބޫލުކުރާ ހެކީގެ ބާވަތްކަމަށް އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، މި ގާނޫނުގެ ބޭނުމަށްޓަކައި ނުވަތަ މި ގާނޫނުގެ ދަށުން އުފުލޭ ދައުވާއެއްގައި، މީހަކު، ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގައިފިކަން ސާބިތުކުރުމަށްޓަކައި، ނުވަތަ މި ގާނޫނުގައިވާ ކުށެއް ސާބިތުކުރުމަށްޓަކައި، އަންނަނިވި ބާވަތުގެ ހެކީގެ ތެރެއިން މަދުވެގެން ފަސް ބާވަތެއްގެ ހެކި ހުރެއްޖެކަމަށްވާނަމަ، އެ ހެއްކަކީ، ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ފަދައިން، މީހަކު ކުށެއް ކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ށައްކެއްނެތި ށަރީއަތަށް ސާބިތުކުރުމަށް ބޭނުންވާ މިންވަރަށް ލިބިފައިވާ ހެކިކަމުގައި ބެލެވޭނެއެވެ.
(ހ) ޖިންސީ އަމަލު ކުޑަކުއްޖަކާއެކު ހިންގައިފިކަން ސާބިތުކޮށްދޭ ރަސްމީ ލިޔުމެއް.
(ށ) ސައިންޓިފިކް ތަހްލީލުތަކުން ދައްކާ ނަތީޖާ.
(ނ) ލޮލަށް ފެނުނު މީހުންގެ ހެކީގެ ބަޔާން.
(ރ) ފޮރެންސިކް ނިށާންތަކުންނާއި ތަހްލީލުތަކުން ލިބޭ ހެކި.
(ބ) ވީޑިއޯ ރެކޯޑުތަކުން ލިބޭ ހެކި.
(ޅ) އެކަމެއް ހިނގުމުން ދާދިއަވަހަށް ނުވަތަ އެކަމެއް ހިނގުމާދެމެދު ގިނަދުވަސްތަކެއް ނުވަނީސް ކުއްޖާގެ މައިންބަފައިންނަށް، ނުވަތަ ގާތްތިމާގެ މީހަކަށް، ނުވަތަ ރަހްމަތްތެރިއަކަށް، ނުވަތަ ޑޮކްޓަރަކަށް، ނުވަތަ ސިއްހީ އެހީތެރިއަކަށް، ނުވަތަ ސައިކޮލޮޖިސްޓަކަށް، ނުވަތަ ސައިކިއޭޓްރިސްޓަކަށް، މައްސަލަ ތަހްގީގުކުރާ ފުލުހަކަށް ނުވަތަ ކުޑަކުދިން ރައްކާތެރިކުރުމުގެ ހިދުމަތުގައި މަސައްކަތްކުރާ މީހަކަށް ކުޑަކުއްޖާ ދީފައިވާ ބަޔާން.
(ކ) އޭނާއާމެދު ކަންވީގޮތްކަމަށް ނުވަތަ އެކަން ހިނގާދިޔަގޮތްކަމަށް ކުޑަކުއްޖާ ކިޔައިދީފައިވާ ބަޔާން.
(އ) މީހަކާ ބެހޭގޮތުން ހަގީގަތެއްނެތް ވާހަކަތަކެއް ހަދައިގެން، ނުވަތަ އަލަށް އުފައްދައިގެން ކިޔައިދިނުންކަމަށް ބެލެވޭނެ ސަބަބެއްނެތި ނުވަތަ ހާދިސާ ހިނގި ވަގުތާއި އެ ވާހަކަ ކިޔައިދިން ވަގުތާ ދެމެދު މާ ދިގު މުއްދަތެއް ފާއިތުނުވަނީސް، ކުޑަކުއްޖާ ކިޔައިދީފައިވާ ކިޔައިދިނުމެއް.
(ވ) ކުޑަކުއްޖާ ކިޔައިދޭ އެއްޗަކާ އެކުއްޖާއަށް ޖިސްމާނީގޮތުން ލިބިފައިވާ ގެއްލުންކަމަށް ޑޮކްޓަރީގޮތުން ފާހަގަވާންހުރި ކަންކަމާއި ފޮރެންސިކް ތަހްލީލުތަކުން ފާހަގަވާންހުރި ކަންކަން ދިމާވުން.
(މ) އެކުއްޖާއާއެކު ޖިންސީ އަމަލު ހިންގި މީހަކީ ކުރިން ޖިންސީ އަމަލު ހިންގި މީހެއްކަން ސާބިތުވެފައިވުން.
(ފ) މާއްދީ ހެކި.
(ދ) މައްސަލަ ބަލާ ފަރާތުން ކުއްޖާއާ އިންޓަރވިއުކުރުމުން ކުއްޖާ ކިޔައިދީފައިވާ ވާހަކަ.
48 ވަނަ މާއްދާ - ކުޑަކުއްޖެއްގެ ހެކިބަސް ހޯދާނެގޮތް
މި ގާނޫނުގެ ބޭނުމަށްޓަކައި، ކުޑަކުއްޖެއްގެ ހެކިބަސް ހޯދާކަމަށްވާނަމަ، އެކުއްޖެއްގެ ހެކިބަސް ހޯދަންވާނީ ކޯޓުން ބޭރުގައި، ށަރީއަތުގެ މަޖިލީހުން ބޭރުގައި، ފުލުސް އޮފީހުން ބޭރުގައި، އެކުއްޖާއަށް ފަރިތަ މާހައުލެއްގައި، އެކުއްޖާ ދެކެފަރިތަ، އެކުއްޖާއަށް އިތުބާރުކުރެވޭ ބައެއްގެ ހާޒިރުގައި، އިންޓަވިއުކޮށްގެން، އެއިންޓަވިއު ވީޑިއޯ ރެކޯޑްކޮށްގެން، ނުވަތަ އެކުއްޖަކީ ހާއްސައެހީއަށް ބޭނުންވާ ކުއްޖެއްނަމަ، އެކުއްޖަކު ބުނާ އެއްޗެއް ތަރުޖަމާކޮށްދެވޭނެ ކަމުގެ ގާބިލްކަންހުރި މީހެއްގެ ހާޒިރުގައި، އެކުއްޖާ ދެކެފަރިތަ، އެކުއްޖާއަށް އިތުބާރުކުރެވޭ ބައެއްގެ ހާޒިރުގައި އިންޓަވިއުކޮށްގެން، އެއިންޓަވިއު ވީޑިއޯ ރެކޯޑްކޮށްގެންނެވެ.
އަށްވަނަ ބައި
ބައެއް އާންމު އުސޫލުތައް
49 ވަނަ މާއްދާ - ކުށުން ބަރީއަވެގެންވުން
މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަމެއް އެ ބަޔާންކޮށްފައިވާގޮތަށް، މި ގާނޫނު ތަންފީޒުކުރުމުގެ ނިޔަތުގައި، ނުރަނގަޅު ނިޔަތެއްނެތި، އަދި ވަކި މީހަކަށް ގެއްލުމެއް ދިނުމުގެ ނިޔަތެއްނެތި ކޮށްފި މީހަކަށް އެމީހަކުކުރި އަމަލަކުން ނުވަތަ ނުކޮށް ދޫކޮށްލި ކަމަކުން އެއްވެސް ގާނޫނީ ޒިންމާއެއް އުފުލާކަށް ނުޖެހޭނެއެވެ.
50 ވަނަ މާއްދާ - ޕެރޯލާއި ކަފާލާތުގެ އުސޫލު ނުހިނގުން
މި ގާނޫނުގެ ދަށުން ބަންދުގައި ހުންނަ މީހާގެ މައްޗަށް ކަފާލާތުގެ އުސޫލެއް ނުވަތަ ޕެރޯލްގެ އުސޫލެއް ނުހިނގާނެއެވެ.
51 ވަނަ މާއްދާ - ގެއްލުމުގެ ބަދަލު
(ހ) ޖިންސީ އަމަލެއް ކުޑަކުއްޖަކާއެކު ހިންގައިފިކަމަށް މީހެއްގެ މައްޗަށް ސާބިތުވެއްޖެކަމަށްވާނަމަ، އެކުއްޖާއަށް ޖިސްމާނީގޮތުން ލިބިފައިވާ ގެއްލުމަށާއި، އެކުއްޖާއަށް ސިއްހީގޮތުން ފަރުވާދީ ރަނގަޅުކުރުމަށް ހިނގާފައިވާ ހަރަދަށާއި، އެކުއްޖާއަށް ނަފްސާނީގޮތުން ލިބިފައިވާ ގެއްލުމަށް އަދި އެކުއްޖާއަށް ކުރިމަތިވި ބިރުވެރިކަމަށް، ފައިސާގެ ބަދަލު ހޯދުމަށް ކޯޓުގައި ވަކިން މަދަނީ މައްސަލައެއް ހުށަހެޅިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މައްސަލައެއް ސާބިތުކުރުމަށް ބޭނުންވާނެ ހެއްކަކީ ކުށްކުރިމީހާގެ މައްޗަށް ށަރީއަތުން ސާބިތުވެފައިވާ ހުކުމެކެވެ.
52 ވަނަ މާއްދާ - ބަދަލު ހޯދިދާނެ ކަންކަން
- މި ގާނޫނުގެ 51 ވަނަ މާއްދާގެ ދަށުން ކުރާ ބަދަލުހޯދުމުގެ މަދަނީ ދައުވާއެއްގައި، ފައިސާގެ ބަދަލު ހޯދިދާނެ ވަކިވަކި ކަންކަމުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
- ކުޑަކުއްޖާއަށް ޖިސްމާނީގޮތުން ލިބުނު ގެއްލުން.
- ޖިސްމާނީގޮތުން ކުޑަކުއްޖާއަށް ލިބުނު ގެއްލުމަށް ކުރަންޖެހުނު ހަރަދުގެ ބަދަލު.
- ކުޑަކުއްޖާއަށް ނަފްސާނީގޮތުން ލިބުނުގެއްލުމުގެ ބަދަލު.
- ކުޑަކުއްޖާއަށް ކުރިމަތިވި ބިރުވެރިކަމާއި ނުތަނަވަސްކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު.
- ކުޑަކުއްޖާގެ އުމުރުން ޅަފަތުގައި މުޖުތަމައުގައި އޭނާއާމެދު މީހުން ދެކޭގޮތަށް އައިބަދަލުގެ އަގު.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދައުވާގައި، ކުޑަކުއްޖާއަށް ލިބޭނެ ބަދަލުގެ އަގު ކަނޑައެޅުމުގައި، އަންނަނިވި ކަންކަމަށް ކޯޓުން ރިއާޔަތްކުރަންވާނެއެވެ.
- އެކުއްޖާގެ އުމުރު.
- އެކުއްޖާ ކިޔެވުމަށް އޮތް ފުރުސަތު.
- އެކުއްޖާ ޒިންމާދާރު ރައްޔިތަކަށްވުމަށް އޮތް ފުރުސަތު.
- އެކުއްޖާއަށް ދިމާވެފައިވާ ނަފްސާނީ ގެއްލުމުގެ މިންވަރު.
- އާންމު ދިރިއުޅުމެއް އުޅުމަށްޓަކައި އެކުއްޖާ ކުރަންޖެހޭނެ ހަރަދު.
- އެކުއްޖާގެ ބެލެނިވެރިންނަށް ނުވަތަ ބަލަދުވެރިންނަށް ހަރަދުކުރެވެންއޮތް ނިސްބަތް.
- މުޖުތަމައުގައި އެކުއްޖާގެ އާއިލާ ހިމެނޭ ގިންތިއާއި މަގާމު.
- މުޖުތަމައުގައި އެކުއްޖާ ހިމެނޭ ގިންތިއާއި މަގާމު.
53 ވަނަ މާއްދާ - އެނގިހުރެ ނޭންގުން
(ހ) މި ގާނޫނުގައި ކުށެއްކަމަށް ބަޔާންކުރާ އަމަލެއް ހިނގާކަން ނުވަތަ ހިނގައިފިކަން ނުވަތަ ހިނގަންއުޅޭކަން އެނގިހުރެ އެ މައުލޫމާތު ފުލުހުންނަށް ނުދީހުރުމަކީ، ކުށެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ 6 މަސްދުވަހާއި 3 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
54 ވަނަ މާއްދާ – ރައްކާތެރިކުރުން
މި ގާނޫނުގައި ކުށެއްކަމަށް ބަޔާންކޮށްފައިވާ ކަމެއް ދިމާވެފައިވާ ކުޑަކުއްޖާގެ ތަފްސީލުތައް، މީޑިއާގައި ށާއިއުކުރުމަކީ، ނުވަތަ އެ ތަފްސީލުތައް އެ މައުލޫމާތު ހުރި އިދާރާއަކުން ދޫކުރުމަކީ، މި ގާނޫނު ހުއްދަކުރާ ކަމެއްނޫނެވެ. މި ގާނޫނުގެ ދަށުން ކުރެވޭ ދައުވާގެ ށަރުއީ މަޖިލިސްތައްވެސް ކުރިއަށްގެންދާނީ، އާންމުކޮށް ހުޅުވާލުމެއްނެތިއެވެ.
55 ވަނަ މާއްދާ - ކައުންސެލިންގ ދިނުން
މި ގާނޫނުގައި ކުށެއްކަމުގައި ކަނޑައަޅާފައިވާ ކުށެއްގެ ށިކާރައަކަށްވާ ކުޑަކުއްޖާއަށް، ނަފްސާނީގޮތުން ދިމާވެދާނެ ހުރިހާ އުނދަގުލެއް ލުއިކޮށްދިނުމަށާއި، ޒިންމާދާރު ރައްޔިތެއްގެގޮތުގައި ދިރިއުޅުމުގައި ބޭނުންވާ ކައުންސެލިންގ ސަރުކާރުގެ ހަރަދުގައި، ސަރުކާރުން އިންތިޒާމްކުރާ އުސޫލެއްގެމަތިން ދޭންވާނެއެވެ.
56 ވަނަ މާއްދާ - ހަރަދު ހަމަޖައްސައިދިނުން
މި ގާނޫނުގައި ކުށެއްކަމަށް ކަނޑައަޅާފައިވާ ކުށެއްގެ ށިކާރައަކަށްވާ ކުޑަކުއްޖާ ބެލެހެއްޓުމުގައި، އެ ކުޑަކުއްޖާގެ މައިންބަފައިންނަށް ނުވަތަ ބެލެނިވެރިއަކަށް މާލީއެހީތެރިކަން ބޭނުންވެއްޖެހިނދެއްގައި، އެ އެހީތެރިކަން ސަރުކާރުން ކަނޑައަޅާ އުސޫލުތަކެއްގެމަތިން، ފޯރުވައިދޭންވާނެއެވެ.
57 ވަނަ މާއްދާ - ކުށްވެރިންގެ ދަފްތަރު ށާއިއުކުރުން
މި ގާނޫނުގައި ކުށްކަމަށް ކަނޑައަޅާފައިވާ ކުށްކުރާ މީހުންގެ މައުލޫމާތު އާންމުކޮށް ށާއިއުކުރަމުން ގެންދަންވާނެއެވެ. އަދި މިފަދަ ކުށްކުރާމީހުންގެ ކިބައިން އެހެން ރައްޔިތުންގެ ސަލާމަތްތެރިކަމާއި، ރައްކާތެރިކަމަށްޓަކައި، އެފަދަ އަމަލެއް ތަކުރާރުކުރުމަށް މަގުފަހިވާފަދަ ފުރުސަތެއް ނުދިނުމުގެ ގޮތުން މިފަދަ ކުށްކުރާ މީހުންގެ ފުރިހަމަ މައުލޫމާތު އާންމުކޮށް އިންޓަރނެޓް ވެބްސައިޓެއްގައި ފަސޭހައިން ބެލޭނެގޮތަށް ގާއިމުކޮށްފައި ހުރުމާއި، އަދި މޯބައިލް ޑިވައިސް ބޭނުންކޮށްގެން ށޯޓް މެސެޖް ސަރވިސް (އެސް.އެމް.އެސް) ގެ ޒަރީއާއިން ވެސް އެފަދަ ކުށްކޮށްފައިވާ މީހުންގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ބޭނުންކޮށްގެން ފަސޭހަކަމާއެކު، އެމީހުން ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރަންވާނެއެވެ. އެކަންކުރާނީ ކުޑަކުދިންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ދައުލަތުގެ މުއައްސަސާއިންނެވެ.
58 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން
މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ، އެޓަރނީ ޖެނެރަލެވެ. އަދި އެ ގަވާއިދުތައް މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 މަސްދުވަހުގެ ތެރޭގައި އާންމުކޮށް އިއުލާނުކުރަންވާނެއެވެ.
59 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރުން
މި ގާނޫނަށް އަމަލުކުރަންފަށާނީ މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރެވޭ ދުވަހުން ފެށިގެންނެވެ.
60 ވަނަ މާއްދާ - މާނަކުރުން
މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފްޒުތަކަށް ދެވިފައިވަނީ، އެ އިބާރާތްތަކާއި ލަފްޒުތަކާ ގުޅިގެން، ތިރީގައި ދީފައިވާ މާނަކުރުމެވެ.
(ހ) "މީހަކު" ކަމަށް ބުނެފައިއެވަނީ، އުމުރުން 18 އަހަރު ފުރިފައިވާ ބުއްދި ސަލާމަތުންހުރި މީހަކަށެވެ.
(ށ) "ކުޑަކުއްޖަކު" ކަމަށް ބުނެފައިއެވަނީ، ކުއްޖަކު އުފަންވީއްސުރެ މިލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިނުވާ ކުއްޖަކަށެވެ. އަދި ކުޑަކުއްޖަކު ކަމަށް ބުނެފައިވާ މާނައިގެ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ތެރެއިން 18 އަހަރު ފުރިފައިވީކަމުގައިވިޔަސް، ބުއްދީގެ ތަސައްރުފުނުފުދޭ ކުދިންނާއި މީހުން ހިމެނޭގޮތަށެވެ.
(ނ) "ޖިންސީ ނިޔަތް" ކަމަށް ބުނެފައިއެވަނީ، ށަހުވާނީ އެދުންވެރިކަމެއް ފުއްދުމަށް ވަކިކަމެއްކުރުމަށް ކަނޑައަޅާ ކަނޑައެޅުމަށެވެ. ނުވަތަ އެ މަގްސަދު ހާސިލުކުރުމަށް ކުރާ އަމަލަށެވެ.
(ރ) "ޖިންސީ އަމަލު" ކަމަށް ބުނެފައިއެވަނީ، ޖިމާއުވުންކަމަށްވިޔަސް، އަތްލުންކަމަށްވިޔަސް، އަދި އެހެން އަމަލެއް ހިންގުންކަމަށްވިޔަސް، އެކަށީގެންވާ މީހެއްގެ ވިސްނުމުން ވިސްނާއިރު، އެކަމެއް އެކުރީ ށަހުވާނީ އެދުންވެރިކަމެއް ހާސިލުކުރުމުގެ ނިޔަތުގައިކަމަށް ގަބޫލުކުރެވޭނެ އަމަލަށެވެ. ނުވަތަ އެ އަމަލެއްގެ ހިންގި ހާލަތުގައި އެ އަމަލެއް ހިންގާފައިވަނީ ށަހުވާނީ މަގްސަދެއްނޫން އެހެން މަގްސަދެއް ހާސިލުކުރުމަށް ކަމުގައި ބެލެވެންނެތް އަމަލަށެވެ.
(ބ) "ރުހުން" ކަމަށް ބުނެފައިއެވަނީ، މީހަކު އޭނާގެ އަމިއްލަ އިހްތިޔާރުގައި، އޭނާގެ މިނިވަންކަމުގައި، އޭނާ ބޭނުންގޮތެއް ނުވަތަ ކަމެއް އިހްތިޔާރުކުރުމުގެ ހައިސިއްޔަތު ލިބިގެންވުމަށެވެ. ނުވަތަ ގޮތެއް ނުވަތަ ކަމެއް އިހްތިޔާރުކުރުމަށް ލިބިގެންވާ ހައިސިއްޔަތަށެވެ.ކަމަށް ބުނެފައިއެވަނީ، މީހަކު އޭނާގެ އަމިއްލަ އިހްތިޔާރުގައި،
(ޅ) "ކުޑަކުއްޖާގެ ހާޒިރުގައި" ކަމަށް ބުނެފައި އެވަނީ، ކުޑަކުއްޖަކަށް ދެއްކުމުގެ މަގްސަދުގައި ކުޑަކުއްޖެއްގެ ހާޒިރުގައި ޖިންސީ އަމަލެއް ހިންގުމަށެވެ.
(ކ) "އާއިލާ" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކުން ކުޑަކުއްޖަކާ އާއިލީ ގުޅުން ހުރި މީހުންނަށެވެ.
- މަންމަ، ބައްޕަ، ކާފައެއް، ނުވަތަ މާމައެއް، މުނިކާފައެއް، ނުވަތަ މުނިމާމައެއް؛ ނުވަތަ
- އެއްބަނޑު އެއްބަފާ މީހާ ނުވަތަ އެއްބަނޑު މީހާ ނުވަތަ އެއްބަފާ މީހާ؛ ނުވަތަ
- ބޮޑުދައިތަ، ނުވަތަ މުނިބޮޑުދައިތަ، ނުވަތަ ބޮޑުބޭބެ، ނުވަތަ މުނި ބޮޑުބޭބެ؛ ނުވަތަ
- އެއްކިރުގެ ސަބަބުން އަހަކަށްވާ ފިރިހެނާ ނުވަތަ އުހުތަކަށްވާ އަންހެނާ؛ ނުވަތަ
- މަތީގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ އިތުރުން ށަރުއީ ގޮތުން ބަލަދުވެރިކަން ހަވާލުކުރެވޭ އެހެން މީހުން.
ކިޔުންތެރިންގެ ހިޔާލު