ޕްރީ ސްކޫލް ހިންގުމުގެ ގާނޫނު
(ގާނޫނު ނަންބަރު 2012-01)
(މި ގާނޫނު ވަނީ ގާނޫނު ނަންބަރު 2020-24 ގެ 45 ވަނަ މާއްދާއިން އުވާލެވިފައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ތުއްތުކުދިންނަށް ދޭ ޅަފަތުގެ ތައުލީމުގެ ފުރުސަތުތައް ވީހާވެސް ފުޅާކޮށްދިނުމުގެ މަގްސަދުގައި ދައުލަތުގެ ފުރިހަމަ ބައިވެރިވުން ހިމެނޭގޮތުން ދިވެހިރާއްޖޭގެ ސިޓީ ކައުންސިލްތަކުންނާއި ރަށު ކައުންސިލްތަކުންނާއި ދިވެހި ކުންފުނިތަކުންނާއި ދިވެހި ޖަމާއަތްތަކުންނާއި އަމިއްލަ ފަރުދުންނާއި ރާއްޖޭންބޭރުގެ ފަރާތްތަކުން، ރާއްޖޭގައި ޕްރީ ސްކޫލް އުފައްދައި، ހިންގައި، ތުއްތުކުދިންނަށް ދޭ ޅަފަތުގެ ތައުލީމު ރާއްޖޭގައި ވީހާވެސް ފުޅާކޮށް ލިބިދީ، އޮއްޓަރުހުރި ފޭރާންހެޔޮ ތައުލީމެއް އެ ކުދިންނަށް ލިބިދިނުމުގެ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.
(ށ) މި ގާނޫނަށް ކިޔާނީ، "ޕްރީ ސްކޫލް ހިންގުމުގެ ގާނޫނު" އެވެ.
2 ވަނަ މާއްދާ – މަގްސަދު
މި ގާނޫނުގެ ދަށުން، ޕްރީ ސްކޫލް އުފައްދައި ހިންގުމުގެ މަގްސަދަކަށްވާނީ، އަދި މި ގާނޫނުގެވެސް އަސާސީ މަގްސަދަކަށްވާނީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.
(ހ) ތުއްތުކުދިން ފުރިހަމަގޮތުގައި ތަރުބިއްޔަތުކުރުމުގައި އެ ކުދިންގެ މައިންބަފައިންނަށް އެހީތެރިވުމުގެ ދައުރެއް އަދާކޮށްދިނުން.
(ށ) އިލްމީގޮތުންނާއި ތަރުބިއްޔަތުގެ ގޮތުންނާއި ހިއްސުތައް ތަރައްގީކުރުމަށް މަގުފަހިކުރުމުގައި، ތުއްތުކުދިންނަށް ވާގިވެރިވުން.
(ނ) ޖިސްމާނީގޮތުންނާއި، ނަފްސާނީގޮތުންނާއި، އިޖްތިމާއީގޮތުންނާއި، ވިސްނުމުގެގޮތުން، ތުއްތުކުދިންނަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދީ، އެ ކުދިންނަށް ދުޅަހެޔޮ ސިއްހަތަކާއި ދުޅަހެޔޮ ވިސްނުމެއް ލިބިދިނުމަށް މަސައްކަތްކޮށްދިނުން.
(ރ) ތުއްތުކުދިންނަށް، އެ ކުދިންގެ އުމުރާ އެކަށީގެންވާގޮތެއްގައި ކަންކަން ވިސްނައި ދެނެގަތުމުގެ އިހްސާސް އުފައްދައިދީ، އެ ކުޅަދާނަކަން ވަރުގަދަކޮށްދިނުމާއި، ވާހަކަދެއްކުމުގެ ހުނަރުތަކާއި ބަސް ދަސްކުރުމުގެ ހުނަރުތައް އެ ކުދިންގައި އަށަގެންނެވުން، އަދި އިޖްތިމާއީގޮތުންނާއި، ނަފްސާނީގޮތުންނާއި، މާއްދީގޮތުންނާއި، ރޫހާނީގޮތުންނާއި، ހިއްސުތަކުގެގޮތުންނާއި، އިހްސާސްތަކުގެގޮތުން، އެ ކުދިންގެ އުމުރާ އެކަށީގެންވާ ތަރައްގީ އެ ކުދިންނަށް ގެނެސްދިނުން.
(ބ) ތުއްތުކުދިންގެ ސިކުނޑި ތަރައްގީވަމުން އަންނަ މަރުހަލާގައި، އެކަމުގެ ފުރިހަމަ ފައިދާ އެ ކުދިންނަށް ލިބޭނެ މާހައުލެއް ތަނަވަސްކޮށްދިނުމާއި، ތައުލީމު އުނގެނުމުގައި ކާމިޔާބުވުމުގެ އަސާސީ ބިންގާ އެ ކުދިންގެ ހަޔާތުގެ ޅަފަތުގައި އަޅައިދިނުމާއި، ފަށާ ތައުލީމުގެ ބިންގަލުގައި ފުރިހަމައަށް ބައިވެރިވުމުގެ ފުރުސަތު ހުރިހާ ތުއްތުކުދިންނަށް ހުޅުވައިދިނުން.
(ޅ) ފަށާ ތައުލީމުގެ ކުރިން، ޕްރީ ސްކޫލްގެ ތައުލީމު ހުރިހާ ތުއްތުކުދިންނަށްވެސް ލިބޭނެ މަގު ފަހިކޮށްދިނުން.
(ކ) އިސްލާމީ އަގީދާއާއި އިސްލާމީ ތަރުބިއްޔަތުގެ ހަމަތަކުގެމަތިން، ޅަފަތުގައި ކުދިންގެ ކިޔެވުމުގެ މަރުހަލާތައް ބައްޓަންކުރުމަށް ބާރުއެޅުން.
(އ) ހުރިހާ ތުއްތުކުދިންނަށްވެސް ބައިވެރިވުމުގެ ފުރުސަތު ލިބިދޭ، އެ ކުދިންގެ އުމުރާ އެކަށީގެންވާ ތައުލީމެއް އުނގެނުމުގެ ފުރުސަތު އެ ކުދިންނަށް ލިބިދޭނެ އުސޫލުތަކެއް ގާއިމުކޮށްދިނުން.
(ވ) ދައުލަތުގެ ފުރިހަމަ ބައިވެރިވުން ހިމެނޭގޮތުން، ކައުންސިލްތަކުން ނުވަތަ އަމިއްލަ ފަރާތްތަކުން ނުވަތަ މުޖުތަމައުން ހިންގާ، ސްކޫލްތައް މެދުވެރިކޮށް، ނުވަތަ ވަކިން އެކަމަށް ހާއްސަ ސްކޫލްތައް މެދުވެރިކޮށް، ޕްރީ ސްކޫލް ތައުލީމުގެ ތަފާތު ޕްރޮގްރާމްތައް ތުއްތުކުދިންނާ ހަމައަށް ވާސިލުކޮށްދިނުން.
(މ) ކަމަށް އެކަށޭނަ ސަނަދު ލިބިފައިވާ ރަނގަޅު ޕްރީ ސްކޫލް މުދައްރިސުން އުފެއްދުމާއި، އެފަދަ މުދައްރިސުންގެ ދައުރު އިތުރުކުރުން.
(ފ) ކިޔަވައިދިނުމުގެ ވަސީލަތްތައް އެކަށީގެންވާގޮތުގައި ގާއިމުވެފައިވާ ޕްރީ ސްކޫލްތަކެއް ގާއިމުކޮށްދިނުން.
3 ވަނަ މާއްދާ – ބޭނުން
މި ގާނޫނުގެ ބޭނުމަކީ، އަންނަނިވި ކަންކަން ކުރުމެވެ.
(ހ) ހުރިހާ ތުއްތުކުދިންނާ ހަމައަށްވެސް ޕްރީ ސްކޫލްގެ ހިދުމަތް ފޯރުކޮށްދިނުމާއި، އޮއްޓަރުހުރި ފޭރާންހެޔޮ ޕްރީ ސްކޫލް ޕްރޮގްރާމްތަކެއް 4 އަހަރާއި 6 އަހަރާދެމެދުގެ ކުދިންނަށް ލިބިދެވޭނެ ނިޒާމެއް ގާއިމުކޮށްދިނުން.
(ށ) މި މާއްދާގެ (ހ) ގައި 4 އަހަރާއި 6 އަހަރާދެމެދުގެ ކުދިންނަށް އޮތް ނަމަވެސް ތުއްތުކުއްޖާގެ ބެލެނިވެރިން އެކަމަށް ބޭނުންވާނަމަ، އުމުރުން 2 އަހަރުބައިން ފެށިގެން 6 އަހަރާދެމެދުގެ ތުއްތުކުދިންނަށްވެސް ޕްރީ ސްކޫލް ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިދޭންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބޭނުން، ދައުލަތުގެ ފުރިހަމަ ބައިވެރިވުން ހިމެނޭގޮތުން، ކައުންސިލްތަކުން ނުވަތަ އަމިއްލަ ފަރާތްތަކުން ނުވަތަ މުޖުތަމައުން ހިންގާ ޕްރީ ސްކޫލްތައް ށާމިލުވެގެން ހާސިލުކޮށްދިނުން.
(ރ) މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ދައުލަތުގެ ފުރިހަމަ ބައިވެރިވުން ހިމެނޭގޮތުން ޕްރީ ސްކޫލެއް ގާއިމުކޮށް ހިންގުމަށް ދައުލަތުން ބާރުއަޅައި މަގުފަހިކޮށްދިނުން ނުވަތަ ދައުލަތުން ހިންގާ ޕްރީ ސްކޫލެއް ކޮންމެ ރަށެއްގައި ހުރުން ލާޒިމުކުރުން.
4 ވަނަ މާއްދާ - ޕްރީ ސްކޫލްގެ އަމާޒު
ރާއްޖޭގައި ހިންގާ ޕްރީ ސްކޫލެއްގެ އަމާޒަކަށް ވާންވާނީ އަންނަނިވި ކަންކަން ހާސިލުކުރުމެވެ.
(ހ) ޅަފަތުގެ ކުދިންނަށް އަޅާލުމާއި، ހަމަހަމަ ފުރުސަތު ލިބޭނެގޮތާއި، އެކި ކުދިންނަކީ ތަފާތު ކުދިންކަން ދަނެގެން ފުރިހަމަ އެހީތެރިކަމާއި ތަފާތު ފުރުސަތުތައް ލިބިދިނުމާއި، ޖިސްމާނީ ދުޅަހެޔޮކަމާއި ނަފްސާނީ ދުޅަހެޔޮކަން ހަމަހަމައަށް ލިބިދިނުމާއި، އިސްލާމީ އަގީދާއާއި އިސްލާމީ ތަރުބިއްޔަތު ލިބިދިނުމުގެ މާހައުލެއް ގާއިމުކޮށްދިނުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފުރިހަމަ އެހީތެރިކަމާއި ފުރުސަތުތައް ތުއްތުކުދިންނަށް ލިބިދިނުމަށްޓަކައި، މުދައްރިސުން ޒިންމާދާރުގޮތުގައި މަސައްކަތްކުރާނެ ވެށްޓެއް ގާއިމުކޮށްދިނުން.
5 ވަނަ މާއްދާ – ބަސް
ރާއްޖޭގައި ހިންގާ ޕްރީ ސްކޫލްތަކުގައި މައިގަނޑުގޮތެއްގައި ކިޔަވައިދޭނީ، ދިވެހި ބަހުންނެވެ. އެހެނިހެން ބަސްތައް ކިޔަވައިދޭނީ، ދެވަނަ ބަހެއްގެ ގޮތުގައެވެ.
6 ވަނަ މާއްދާ - ހާއްސަ އެހީއަށް ބޭނުންވާ ތުއްތުކުދިން
(ހ) ހާއްސަ އެހީއަށް ބޭނުންވާ ތުއްތުކުދިންނަށް ޕްރީ ސްކޫލްގެ ތައުލީމު ދޭނީ މި ގާނޫނުގެ ދަށުން ހަދާ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.
(ށ) މި ގާނޫނުގެ ބޭނުމަށްޓަކައި، ހާއްސަ އެހީއަށް ބޭނުންވާ ތުއްތުކުދިން ކަމުގައި ބުނެފައިއެވަނީ، ނަފްސާނީ ނުވަތަ ޖިސްމާނީ ނުކުޅެދުންތެރިކަމެއް ހުރުމުގެ ސަބަބުން އެ ކުދިންނަށްޓަކައި ވަކި ޕްރޮގްރާމްތަކެއް ޕްރީ ސްކޫލްގައި ހިންގަންޖެހޭނެ ކުދިންނަށެވެ.
7 ވަނަ މާއްދާ - ޕްރީ ސްކޫލް ތައުލީމު ކަށަވަރުކޮށްދިނުން
ތުއްތުކުދިން ދިރިއުޅޭ ރަށެއްގައި ޕްރީ ސްކޫލްގެ ހިދުމަތް ނެތްކަމުގައިވާނަމަ، އެ ރަށުގެ ކައުންސިލުން އިސްނަގައިގެން ކުރާ މަސައްކަތެއްގެ ގޮތުގައި އެ މުޖުތަމައުގައި ޕްރީ ސްކޫލެއް ގާއިމުކުރުމުގައި އެ މުޖުތަމައުގައި ތިބި ޕްރީ ސްކޫލް އުމުރުގެ ކުދިންނަށް ޕްރީ ސްކޫލް ތައުލީމުގެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދޭންވާނެއެވެ.
8 ވަނަ މާއްދާ - ޕްރީ ސްކޫލް ޕްރޮގްރާމްތައް އާންމުކޮށް އިއުލާނުކުރުން
ކޮންމެ ޕްރީ ސްކޫލަކުންވެސް، އެ ސްކޫލަކުން ހިންގާ ޕްރޮގްރާމްތަކަކީ ކޮބައިކަމާއި، އެ ޕްރޮގްރާމްތަކުން ހާސިލުކުރަން ބޭނުންވާ މަގްސަދުތަކަކީ ކޮބައިކަމާއި، އެ ޕްރޮގްރާމްތަކުގައި ހިމެނިގެންވާ މައިގަނޑު ބައިތަކަކީ ކޮބައިކަމާއި، އެ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމުގައި އަމަލުކުރާނެ މައިގަނޑު ގޮތްތަކަކީ ކޮބައިކަން އެކުލެވޭ މައުލޫމާތު، ކޮންމެ އަހަރެއްގެވެސް ދިރާސީ އަހަރު ފެށުމުގެ 2 (ދޭއް) މަސްދުވަސްކުރިން، އެ މުޖުތަމައުގެ ޕްރީ ސްކޫލް އުމުރުގެ ކުދިންގެ ބެލެނިވެރިންނަށް އާންމުކޮށް ފެންނާނެގޮތަށް ސްކޫލްގައި ބަހައްޓަންވާނެއެވެ.
9 ވަނަ މާއްދާ - ޕްރީ ސްކޫލް ޕްރޮގްރާމްތަކަށް ހުއްދަ ހޯދުން
(ހ) ޕްރީ ސްކޫލަކުން އެއްވެސް ޕްރޮގްރާމެއް ހިންގަންވާނީ، ތައުލީމާ ބެހޭ ވުޒާރާއަށް ހުށަހަޅައި، އެ ވުޒާރާގެ ހުއްދަ ލިބިގެންނެވެ.
(ށ) ޕްރީ ސްކޫލަކުން ތައާރުފުކުރާ ޕްރޮގްރާމަކީ، ބައިނަލްއަގްވާމީގޮތުން ގަބޫލުކުރާ މޮޑެލްއެއްގެ މައްޗަށް ހަދާފައިވާ ޕްރޮގްރާމެއްކަމަށްވާނަމަ، ނުވަތަ ވަކި ބްރޭންޑަކަށް ނުވަތަ މޮޑެލްއަކަށް ފައްތައި، އެގޮތުގައި މަށްހޫރުކަން ހޯދާފައިވާ ޕްރޮގްރާމެއްކަމުގައިވާނަމަ، އެކަމާގުޅޭ ބައިނަލްއަގްވާމީ ޖަމާއަތަކުން އެ ސްކޫލެއްގެ ޕްރޮގްރާމް ގަބޫލުކުރާކަން އަންގައިދޭ ލިޔުމެއް ތައުލީމާ ބެހޭ ވުޒާރާއަށް ހުށަހަޅައި، އެ ޕްރޮގްރާމެއް ރާއްޖޭގައި ހިންގުމުގެ ހުއްދަ އެ ވުޒާރާއިން ހޯދަންވާނެއެވެ.
(ނ) މި ގާނޫނު އުފަންވުމުގެ ކުރިން ހިނގަމުންއައި ޕްރީ ސްކޫލް ޕްރޮގްރާމްތައް މި ގާނޫނަށް އަމަލުކުރަން ފަށާތާ 180 (ސަތޭކަ އަށްޑިހަ) ދުވަހުގެ ތެރޭގައި މި ގާނޫނުގައި ބަޔާންކުރާ އުސޫލުތަކުގެ މަތިން ތައުލީމާ ބެހޭ ވުޒާރާއިން ފާސްކުރަންވާނެއެވެ.
10 ވަނަ މާއްދާ - ޕްރޮގްރާމްގެ ބައިތައް
ޕްރީ ސްކޫލްގެ ކޮންމެ ޕްރޮގްރާމެއްގައިވެސް އަންނަނިވި ބައިތައް ހިމަނަންވާނެއެވެ.
(ހ) ޕްރޮގްރާމްގެ ނަން؛
(ށ) ޕްރޮގްރާމް ބިނާކުރެވިފައިވާ ފަލްސަފާ؛
(ނ) ޕްރޮގްރާމްގައި ހިމެނިގެންވާ ތައުލީމާއި ތަމްރީނުގެ ބައިތައް؛
(ރ) ޕްރޮގްރާމްގައި ހިމެނިގެންވާ ތައުލީމާއި ތަމްރީނުގެ ބައިތަކުން ހާސިލުކުރަން ބޭނުންވާ މިންވަރާއި މަގްސަދުތައް؛
(ބ) ކުދިންގެ މައިންބަފައިންނާ މުއާމަލާތްކޮށް، ގުޅުން ގާއިމުކުރުމަށްޓަކައި ދަމަހައްޓާނެ އުސޫލުތައް.
11 ވަނަ މާއްދާ - ޕްރީ ސްކޫލް ބޯޑު
(ހ) ކޮންމެ ޕްރީ ސްކޫލެއްގައިވެސް އެ ސްކޫލެއްގެ އަސާސީ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، އެކުލަވާލެވޭ ސްކޫލް ބޯޑެއް އޮންނަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އެކުލަވާލެވޭ ސްކޫލް ބޯޑުގައި، އެ ސްކޫލެއްގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ދާއިރާތަކުގެ މީހުން، އެ ގަވާއިދުގައި ބަޔާންކޮށްފައިވާ ނިސްބަތަށް ތިބުމުގެ އިތުރަށް، އަންނަނިވި ދާއިރާތަކުގެ މީހުން، އަންނަނިވި ނިސްބަތަށް ހިމެނުން މި ގާނޫނު ލާޒިމުކުރެއެވެ.
- އެ ސްކޫލްގެ ދަރިވަރުންގެ ބެލެނިވެރިންގެ ތެރެއިން 2 (ދޭއް) މީހުން؛
- އެ ސްކޫލްގެ މުދައްރިސުންގެ ތެރެއިން 2 (ދޭއް) މީހުން؛
- އެ ސްކޫލްގެ މެނޭޖްމަންޓުގެ ފަރާތުން 3 (ތިނެއް) މީހުން؛
- އާންމު ރައްޔިތުންގެ ތެރެއިން 2 (ދޭއް) މީހުން.
12 ވަނަ މާއްދާ - ޕްރޮގްރާމް ކަނޑައަޅާނެ ފަރާތް
(ހ) ޕްރީ ސްކޫލް އުފައްދަންވާނީ އަސާސީ ގަވާއިދެއްގެ ދަށުންނެވެ.
(ށ) ޕްރީ ސްކޫލެއްގައި ހިންގާނެ ޕްރޮގްރާމެއް ކަނޑައަޅާނީ، އެ ސްކޫލެއްގެ އަސާސީ ގަވާއިދުގައިވާ ގޮތުގެމަތިން، އެ ޕްރީ ސްކޫލެއްގެ ބޯޑުންނެވެ.
13 ވަނަ މާއްދާ - ޕްރީ ސްކޫލް ޕްރޮގްރާމްތަކުގެ ވަގުތާއި އުމުރުފުރާ
ކޮންމެ ޕްރީ ސްކޫލެއްގެ އަސާސީ ގަވާއިދުގައި އެ ސްކޫލެއްގައި ހިންގާ ޕްރޮގްރާމްތަކުގެ ވަގުތާއި އުމުރުފުރާ ކަނޑައަޅަންވާނެއެވެ.
14 ވަނަ މާއްދާ - ތައުލީމީ ވުޒާރާއިން ބަލަންވާނެ ހަމަތައް
(ހ) މި ގާނޫނުގެ ބޭނުމަށްޓަކައި ކަނޑައަޅާ ހަމަތަކާއި މިންގަނޑުތައް ކަނޑައެޅުމުގައި، ތައުލީމީ ވުޒާރާއިން އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.
- މުދައްރިސުންގެ މަސައްކަތުގެ ވަގުތަށާއި އުފުލަންޖެހޭ ޒިންމާތައް؛
- ކްލާސްތައް އުފައްދާނެ އުސޫލުތައް؛
- ކައުންސެލިންގގެ ހިދުމަތް ދޭނެ އުސޫލުތައް؛
- އިދާރީ ކަންކަން ބަލަހައްޓާނެ އުސޫލުތައް؛
- އެކައުންޓިންގ އުސޫލުތައް؛
- ޓެކްނިކަލް މަސައްކަތްތައް ކުރާނެ އުސޫލުތައް؛
- މުދައްރިސުންނާއި އެހެނިހެން މުވައްޒަފުންގެ ވަޒީފާގެ ށަރުތުތައް ހަމަޖެހިފައިވާ އުސޫލުތައް؛
- ޖާގައާއި ވަސީލަތްތަކާގުޅޭ އުސޫލުތައް؛
- ތަނަށް ބޭނުންވާނެ ސާމާނުތައް ހޯދާނެ ގޮތުގެ އުސޫލުތައް؛
- ވަޒީފާއާބެހޭ ގާނޫނާ ތައާރުޒުނުވާ ގޮތެއްގެމަތިން، މުސާރައާއި އިނާޔަތާއި ވަޒީފާގެ ކުރިއެރުން ދިނުމުގެ އުސޫލުތައް.
(ށ) ތަރައްގީގެގޮތުން ތަފާތު ގޮންޖެހުން ކުރިމަތިވެފައިވާ ރަށްރަށާއި އަތޮޅުތަކުގައި ހިންގާ ޕްރީ ސްކޫލްތަކަށް ހާއްސަ މިންގަނޑުތަކަކާއި ހާއްސަ ހަމަތަކެއް ކަނޑައެޅުމުގެ ބާރު ތައުލީމީ ވުޒާރާއަށް ލިބިގެންވެއެވެ.
15 ވަނަ މާއްދާ - އުމުރުގެ ގިންތި
ޕްރީ ސްކޫލްތަކުގައި، ޕްރީ ސްކޫލްގެ ޕްރޮގްރާމްތައް އާންމުކޮށް ހިންގާނީ 4 އަހަރާއި 6 އަހަރާދެމެދުގެ ކުދިންނަށެވެ.
16 ވަނަ މާއްދާ - ރަޖިސްޓްރީކުރުމާއި ސްކޫލަށް ވެއްދުން
(ހ) މި ގާނޫނުގެ ދަށުން ހަދާ، ޕްރީ ސްކޫލްތަކުގެ އަސާސީ ގަވާއިދުގައި، ހާއްސަ ހާލަތްތަކަށް ބަލައި އެހެންގޮތަކަށް ކަނޑައަޅާފައި ނުވާހާހިނދަކު، ޕްރީ ސްކޫލްތަކުގައި، ކުދިން ރަޖިސްޓްރީކުރާނީ އަދި އެ ސްކޫލްތަކަށް ކުދިން ވައްދާނީ، އެކަމަށް އާންމުކޮށް ފުރުސަތު ހުޅުވާލައިގެން، އެ ފުރުސަތުގައި ލިބޭ އެޕްލިކޭށަންތަކުގެ މައްޗަށް ބިނާކޮށެވެ.
(ށ) ކުއްޖަކު ޕްރީ ސްކޫލަށް ވެއްދުމަށް ރަޖިސްޓްރީކުރެވޭހިނދު، އެ ސްކޫލުން ހުށަހެޅުމަށް އަންގާ ލިޔުންތަކުގެ އިތުރަށް، ތުއްތުކުދިންގެ ޑޮކްޓަރަކު ނުވަތަ ސިއްހީ ހިދުމަތްތެރިއަކު ދީފައިވާ ކުއްޖާގެ ސިއްހީ ދުޅަހެޔޮކަން އަންގައިދޭ ސެޓްފިކެޓެއް ހުށަހަޅަންވާނެއެވެ.
17 ވަނަ މާއްދާ - އަހަރުގެ މަސައްކަތު ޕްލޭން
(ހ) ކޮންމެ ޕްރީ ސްކޫލެއްގެ ބޯޑުން، ކުރިއަށް އޮތް އަހަރަށް ސްކޫލްގެ މަސައްކަތްތައް ރާވާފައިވާ ގޮތުގެ ތަފްސީލު އަންގައިދޭ ޕްލޭނެއް އެކަށައަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އެކަށައަޅާ އަހަރީ މަސައްކަތު ޕްލޭންގައި، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
- ޕްރީ ސްކޫލް އިންތިޒާމު ކުރެވިފައިވާގޮތް؛
- ޕްރީ ސްކޫލް ހުޅުވިފައި ހުންނަ ގަޑިތައް؛
- ޕްރީ ސްކޫލުން ކިޔަވައިދޭ ޕްރޮގްރާމްތައް؛
- ޕްރޮފެށަނަލް މުދައްރިސުންގެ ގޮތުގައި އަދި އެހެން މުވައްޒަފުންގެ ގޮތުގައި ޕްރީ ސްކޫލްގައި މަސައްކަތްކުރާ މީހުން؛
- ބެލެނިވެރިންނާ މުއާމަލާތްކުރުމާއި ގުޅުން ގާއިމުކުރަން ހަމަޖެހިފައިވާގޮތް؛
- ސިއްހީ އެކިއެކި ހިދުމަތްދޭ ފަރާތްތަކާއެކު، އެ ސްކޫލްގެ ގުޅުންތައް ގާއިމުކުރެވޭނެގޮތް؛
- ވަގުތީ މުދައްރިސުންނަށް ފެންވަރު މަތިކުރުމުގެ ފުރުސަތު އޮތްގޮތް؛
- މުޖުތަމައުގެ އެކިއެކި ކަންކަމާ އެ ސްކޫލާ ދެމެދު ގުޅުންތައް ރާވައި ހިންގާނެގޮތް؛
- ޕްރީ ސްކޫލްގެ ދާއިރާގައި މުދައްރިސުން ތަމްރީނު ކުރާ އެކިއެކި މަދަރުސާތަކާއި މުއައްސަސާތަކާއެކު ގުޅުން ބަދަހިކުރާނެގޮތް؛
- މުވައްޒަފުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތައް އެކުލަވާލެވިފައިވާ ގޮތް؛
- ޕްރީ ސްކޫލްގެ ތައުލީމީ ނިޒާމު ރަނގަޅަށް ހިންގުމަށްޓަކައި ބޭނުންވާ ޕްރޮފެށަނަލް މުދައްރިސުންނާއި، އެހެނިހެން ޕްރޮފެށަނަލް މީހުންނާއި، މުވައްޒަފުންނާއި، ތަކެތި ހޯދުމަށް ބޭނުންވާ އަދަދާއި އެ ކަންކަން ކުރާނެގޮތް.
18 ވަނަ މާއްދާ - ރިކޯޑު ބެލެހެއްޓުން
(ހ) ކޮންމެ ޕްރީ ސްކޫލަކުންވެސް، ކޮންމެ ކްލާހެއްގެ ދުވަހު ހާޒިރީ ބަލަހައްޓައި، އެ ޕްރީ ސްކޫލެއްގެ ދުވަހު ލޮގެއް ލިޔެ، އެ ތާރީހުން ފެށިގެން މަދުވެގެން 5 (ފަހެއް) އަހަރުދުވަސް ވަންދެން، އެ ލޮގް ބަލަހައްޓަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ލިޔެ ބަލަހައްޓާ ލޮގުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
- ހާޒިރުވި ފިރިހެން ކުދިންގެ ޖުމްލަ އަދަދު؛
- ހާޒިރުވި އަންހެން ކުދިންގެ ޖުމްލަ އަދަދު؛
- ހިނގި މުހިންމު ހަރަކާތްތައް؛
- ދިމާވި ޑިސިޕްލިން މައްސަލަތައް؛
- ދިމާވި އިދާރީ މައްސަލަތައް؛
- ދިމާވި އެހެން ބާވަތުގެ މައްސަލަތައް؛
- ބެލެނިވެރިންނާ ކުރެވުނު މުއާމަލާތް؛
- ސްކޫލަށް ޒިޔާރަތްކުރި މީހުން؛
- މުދައްރިސުންނާއި އެހެން މުވައްޒަފުންގެ ހާޒިރީގެ ޖުމްލަ ހިސާބު.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ލިޔެ ބަލަހައްޓާ ދުވަހު ލޮގް، ސްކޫލްގެ މެނޭޖްމަންޓް ބަދަލުވާ ހާލަތުގައި އަލަށް މެނޭޖްމަންޓާ ހަވާލުވާ ފަރާތުން މި ގާނޫނުގައި ބުނެފައިވާ މުއްދަތަށް ބަލަހައްޓަންވާނެއެވެ.
(ރ) ހިނގަމުންދިޔަ ޕްރީ ސްކޫލެއް އުވާލެވޭ ހާލަތުގައި މި މާއްދާގެ (ހ) ގެ ދަށުން ލިޔެ ބަލަހައްޓާ ދުވަހު ލޮގް އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލާ ހަވާލުކުރަންވާނެއެވެ.
19 ވަނަ މާއްދާ - ފައިސާ ހޯދުން
ޕްރީ ސްކޫލެއްގައި ހިންގާ ތައުލީމީ ޕްރޮގްރާމްތަކަށް އަންނަނިވި ފަރާތްތަކުން ފައިސާ ހޯދިދާނެއެވެ.
(ހ) ކުދިންގެ އަތުން ނެގޭ ފީއިން؛
(ށ) ސަރުކާރުން؛
(ނ) ތަން އުފައްދާ ހިންގާ ފަރާތްތަކުން؛
(ރ) ބެލެނިވެރިން ދޭ ޑޮނޭށަނުން؛
(ބ) އެހެނިހެން ފަރާތްތަކުން ދޭ އެހީއިން.
20 ވަނަ މާއްދާ - ފައިސާ ކޮންޓްރޯލްކޮށް ބެލެހެއްޓުން
(ހ) ސަރުކާރުން އެހީވެދޭ ޕްރީ ސްކޫލްތަކުގައާއި ރަށްރަށުގެ ރަށު ކައުންސިލްތަކުން ހިންގާ ރައްޔިތުންގެ ޕްރީ ސްކޫލްތަކުގައި ހަރަދުކުރެވޭގޮތް، އޮޑިޓަރ ޖެނެރަލް ކަނޑައަޅާ އުސޫލުތަކެއްގެ މަތިން، ބަލަހައްޓަމުން ގެންދަންވާނެއެވެ.
(ށ) އޮޑިޓަރ ޖެނެރަލަށް ފެންނަ މުއްދަތުތަކެއްގައި، އެ ފައިސާ ހަރަދުކުރެވޭގޮތާއި، އެ ފައިސާ ހަރަދުކުރާ ނިސްބަތާއި، އެ ފައިސާއިން މަންފާކުރި މިންވަރު ދެނެގަތުމުގެ އޮޑިޓްވެސް ކުރެވިދާނެއެވެ.
(ނ) ސަރުކާރުން އެހީވެދޭ ޕްރީ ސްކޫލްތަކުގައާއި އަދި ރަށްރަށުގެ ރަށު ކައުންސިލްތަކުން ހިންގާ ރައްޔިތުންގެ ޕްރީ ސްކޫލްތަކުން ހަރަދުކުރަންވާނީ މާލިއްޔަތު ގާނޫނާއި މާލިއްޔަތު ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
21 ވަނަ މާއްދާ - ޕްރީ ސްކޫލްތަކަށް ސަރުކާރުން އެހީދިނުން
(ހ) ސަރުކާރުން އެހީދޭ ޕްރީ ސްކޫލްތަކަށް ފައިސާދޭނީ ދިވެހި ދައުލަތުގެ ބަޖެޓުންނެވެ.
(ށ) ދައުލަތުން ދޭ ފައިސާއަކީ، އެ ޕްރީ ސްކޫލެއްގެ މުވައްޒަފުންނާއި މުދައްރިސުންގެ މަހު މުސާރައާއި އިނާޔަތްތައް ދެވޭ މިންވަރެއްކަމުގައިވުމާއި މި މާއްދާގައި ބަޔާންކޮށްފައިވާ ދައުލަތުގެ ބަޖެޓުން ޕްރީ ސްކޫލްތަކަށް ދޭ ފައިސާ ހަރަދުކުރެވޭނެ ގޮތްތައްކަމުގައި ބަޔާންކޮށްފައިވާ، ކަންތައްތަކުގެ ތެރެއިން ކަމެއް ހިންގޭނޭ މިންވަރުގެ އެހީއެއްކަމުގައި ވާންވާނެއެވެ.
(ނ) ދައުލަތުގެ ބަޖެޓުން ޕްރީ ސްކޫލަކަށް ދޭ ފައިސާ ހަރަދުކުރެވޭނީ އަންނަނިވި ކަންކަމުގައެވެ.
- މުސާރައާއި އެކިއެކި އިނާޔަތްތައް ދިނުމަށް؛
- ކިޔަވައިދިނުމަށް ބޭނުންވާ އެކިއެކި ސާމާނު އުފައްދައި ހޯދުމަށާއި އެކިއެކި ޕްރޮގްރާމްތައް ހިންގުމަށް؛
- އިމާރާތް ބިނާކުރުމަށާއި ބެލެހެއްޓުމަށް؛
- ކެޕިޓަލް އިންވެސްޓްމަންޓްތައް ކުރުމަށް؛
- ޕްރީ ސްކޫލް މުދައްރިސުން ތަމްރީނު ކުރުމަށް؛
- އަދި ތައުލީމީ ވުޒާރާއިން ހުއްދަކުރާ، ސްކޫލް ބޯޑުން ކަނޑައަޅާ އެހެނިހެން ކަންކަންކުރުމަށް.
22 ވަނަ މާއްދާ - ޕްރީ ސްކޫލްތަކަށް ސަރުކާރުން އެހީވެދޭ އުސޫލު ކަނޑައެޅުން
އެއްވެސް ފަރާތްތަކުން ހިންގާ ޕްރީ ސްކޫލެއްގައި، މި ގާނޫނުގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާނަމަ، އެ ސްކޫލަކީ، ސަރުކާރުން އެހީވެދޭ ޕްރީ ސްކޫލެއްކަމުގައި ތައުލީމީ ވުޒާރާއިން ހަމަޖައްސައި، އެ ވުޒާރާއިން ކަނޑައަޅައި އާންމުކޮށްފައިވާ އުސޫލެއްގެ މަތިން ކަނޑައެޅޭ އަދަދެއްގެ ފައިސާ، ކޮންމެ އަހަރަކުވެސް ސަރުކާރުން ދޭ އެހީގެގޮތުގައި އެ ސްކޫލަކަށް ދޭންވާނެއެވެ.
23 ވަނަ މާއްދާ – އެހީދިނުން
އެއްވެސް ފަރާތަކުން ހިންގާ ޕްރީ ސްކޫލެއްގައި އަންނަނިވި ކަންކަން ފުރިހަމަވާނަމަ، މި ގާނޫނުގައި ބަޔާންކޮށްފައިވާ އެންމެހައި އެހީ ސަރުކާރުން ފޯރުކޮށްދޭންވާނެއެވެ.
(ހ) އުމުރުފުރާއަށް ފެތޭ ހުރިހާ ކުދިންނަށްވެސް ބައިވެރިވެވޭގޮތަށް ހުޅުވާލެވިފައިވާ ސްކޫލަކަށްވުން.
(ށ) ށަރުތު ފުރިހަމަވެފައިވާ މުދައްރިސުންނަށް އިސްކަންދޭ ސްކޫލަކަށްވުން.
(ނ) މި ގާނޫނުގެ ބޭނުމަށްޓަކައި ތައުލީމީ ވުޒާރާއިން އެކުލަވާލާ ގަވާއިދުތަކާ އެއްގޮތަށް ހިންގާ ސްކޫލަކަށްވުން.
24 ވަނަ މާއްދާ - ހާއްސަ ހަރަދުތަކެއް ސަރުކާރުން ކުރުން
އަންނަނިވި ކަންކަމަކީ ސަރުކާރުން އޭގެ ހަރަދު އުފުލަންޖެހޭނެ، އަދި ސަރުކާރުން އިސްނަގައިގެން، ތައުލީމީ ވުޒާރާއިން ކުރަންޖެހޭނެ ކަންކަމެވެ.
(ހ) ތަހުލީލުތައް ކުރުމާއި ތައުލީމީ ނިޒާމު ތަރައްގީކުރުމަށް ދޭންޖެހޭ ތަމްރީނުތައް ދިނުމާއި މައުލޫމާތު މުއްސަނދިކުރުމާއި ތާޒާކުރުމުގެ ޕްރޮގްރާމްތައް ހިންގުން؛
(ށ) އެކިއެކި ދިރާސާތައް ހިންގުން؛
(ނ) މުދައްރިސުންގެ މެދުގައާއި އެކިއެކި ޕްރޮފެށަނަލް ހިދުމަތްދޭ މީހުންގެ މެދުގައި ބާއްވަންޖެހޭ ބައްދަލުވުންތަކާއި ސެމިނަރތައް ބޭއްވުން؛
(ރ) ވަގުތީ މުދައްރިސުންނަށް ދޭންޖެހޭ ތަމްރީނު ދިނުން؛
(ބ) ބައިނަލްއަގްވާމީ ޖަމާއަތްތަކާ ގުޅުވައިދޭން މަސައްކަތްކުރުން.
25 ވަނަ މާއްދާ - ޕްރީ ސްކޫލްގެ މުވައްޒަފުން
(ހ) ޕްރީ ސްކޫލްތަކުގައި ހިންގާ ތައުލީމީ ހުރިހާ މަސައްކަތެއްގައިވެސް، އެކަމަށް ށަރުތު ފުރިހަމަވާ ޕްރީ ސްކޫލް މުދައްރިސުންނާއި، އެމީހުންނަށް އެހީތެރިވެދޭ މީހުންނާއި، ކައުންސެލަރުންނާއި، ހެލްތް ޕްރޮފެށަނަލުންނާއި، ނިއުޓްރިށަނިސްޓުން މެދުވެރިކޮށް ހިންގުމަށް އިސްކަންދޭންވާނެއެވެ.
(ށ) ޕްރީ ސްކޫލްތަކުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމުގައި ތަމްރީނު ލިބިފައިވާ މުދައްރިސުންނަށް އެފަދަ ކްލާސްތަކުގައި އިސްކަންދޭންވާންވާނެއެވެ.
26 ވަނަ މާއްދާ - މުވައްޒަފުންގެ ށަރުތު
ޕްރީ ސްކޫލް މުވައްޒަފުންގައި، އަންނަނިވި ށަރުތުތައް ހުންނަންވާނެއެވެ.
(ހ) ޕްރީ ސްކޫލް މުދައްރިސުންނަކީ، ގްރޭޑް 10 ނިންމާފައިވާ ނުވަތަ ޕްރީ ސްކޫލް މުދައްރިސުން ތަމްރީނު ކުރާ ކޯހެއް ފުރިހަމަކޮށްފައިވާ މީހުންކަމުގައިވުން؛
(ށ) ޕްރީ ސްކޫލް މުދައްރިސުންގެ އެހީތެރިންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކަކީ، ގްރޭޑް 10 (ދިހައެއް) ނިންމާފައިވާ ނުވަތަ 2 (ދޭއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހުންކަމުގައިވުން؛
(ނ) ކައުންސެލަރުންނަކީ އެމީހުންނާގުޅޭ ދާއިރާއިން އިލްމާއި ތަޖުރިބާ ލިބިފައިވާ މީހުން ކަމުގައިވުން؛
(ރ) ހެލްތް ފްރޮފެށަނަލުން، ނުވަތަ ހައިޖީން ޕްރޮފެށަނަލުން، ނުވަތަ ނިއުޓްރިށަނިސްޓުންނަކީ އެމީހުންގެ ދާއިރާއިން ކަމާގުޅޭ އިލްމާއި ތަޖުރިބާ ލިބިފައިވާ މީހުން ކަމުގައިވުން؛
(ބ) އެއްވެސް ތުއްތުކުއްޖެއްގެ ކަރާމަތާއި ރައްކާތެރިކަމަށް ގެއްލުމެއް ދީފައިވާ މީހަކު ކަމުގައިނުވުން.
27 ވަނަ މާއްދާ - ރިކޯޑު ބެލެހެއްޓުން
(ހ) ކޮންމެ ޕްރީ ސްކޫލަކުންވެސް އަންނަނިވި ރިކޯޑުތައް ތައުލީމީ ވުޒާރާއިން ކަނޑައަޅާ މުއްދަތަކަށް ބަލަހައްޓަމުން ގެންދަންވާނެއެވެ.
- ދަރިވަރުންނާއި، މުދައްރިސުންނާއި މުވައްޒަފުންގެ ވަކިވަކި ތަފްސީލުތައް؛
- ސްކޫލަށް އެހީދޭ އެކިއެކި ފަރާތްތަކުގެ ތަފްސީލުތައް؛
- ސަރުކާރުން ދެމުންދާ އެހީގެ ތަފްސީލުތައް؛
- ލިބޭ އާމްދަނީއާއި ކުރެވޭ ހަރަދުގެ ތަފްސީލުތައް؛
- ކޮންމެ އަހަރަކުމެ ސްކޫލުން ކުރި ނުވަތަ ކުރަން ރޭވި ކަންކަމުގެ ތަފްސީލުތައް.
(ށ) މި މާއްދާގެ ދަށުން ބަލަހައްޓަމުންދާ ރިކޯޑުތައް ސްކޫލްގެ މެނޭޖްމަންޓް ބަދަލުވާ ހާލަތުގައި އަލަށް މެނޭޖްމަންޓާ ހަވާލުވާ ފަރާތުން މި ގާނޫނުގައި ބުނެފައިވާ ގޮތުގެމަތިން އިސްވެ ދެންނެވުނު ރިކޯޑުތައް ބަލަހައްޓަންވާނެއެވެ.
(ނ) ހިނގަމުންދިޔަ ޕްރީ ސްކޫލެއް އުވާލެވޭ ހާލަތުގައި މި މާއްދާގެ ދަށުން ލިޔެ ބަލަހައްޓާ ރިކޯޑުތައް އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލާ ހަވާލުކުރަންވާނެއެވެ.
28 ވަނަ މާއްދާ - އިންތިގާލީ މުއްދަތު
އެކިއެކި ފަރާތްތަކުން ހިންގާ ޕްރީ ސްކޫލްތަކަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ގެންނަންޖެހޭ އެއްވެސް ބަދަލެއް އޮތްކަމަށްވާނަމަ، މި ގާނޫނަށް އަމަލުކުރަން ފަށާތާ 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި އެ ބަދަލެއް ގެނެސް ނިންމަންވާނެއެވެ.
29 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން
މި ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި ހިންގާނީ، ތައުލީމާ ބެހޭ ވުޒާރާއިންނެވެ. އަދި އެ ގަވާއިދުތައް މި ގާނޫނު ތަސްދީގުކުރާ ތާރީހުން ފެށިގެން ގިނަވެގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ހަދައި، އާންމުކޮށް އިއުލާނުކުރަންވާނެއެވެ.
30 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރުން
މި ގާނޫނަށް އަމަލުކުރަންފަށާނީ މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާތާ 6 (ހައެއް) މަސްދުވަހުން ފެށިގެންނެވެ.
31 ވަނަ މާއްދާ – މާނަކުރުން
މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދެވިފައިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކާ ގުޅިގެން، ތިރީގައި ދީފައިވާ މާނަކުރުމެވެ.
(ހ) "ތުއްތުކުދިން" ކަމަށް ބުނެފައިއެވަނީ، އުމުރުން 4 އަހަރާއި 6 އަހަރާދެމެދުގެ ކުދިންނަށެވެ.
(ށ) "ޕްރީ ސްކޫލް" ކަމަށް ބުނެފައިއެވަނީ، އުމުރުން 4 އަހަރާއި 6 އަހަރާދެމެދުގެ ކުދިންނަށް ޕްރީ ސްކޫލް ތައުލީމު ދިނުމަށް ހާއްސަ ސްކޫލްތަކަށެވެ.
(ނ) "ނިއުޓްރިށަނިސްޓް" ކަމަށް ބުނެފައިއެވަނީ، ކުދިންގެ ކާނާއާގުޅޭގޮތުން ލަފާދިނުމުގެ އިލްމާއި ތަޖުރިބާ ލިބިފައިވާ މީހުންނަށެވެ.
(ރ) "ކައުންސެލަރު" ކަމަށް ބުނެފައިއެވަނީ، ކުދިންނަށް ދިމާވާ ކަންކަމުގައި ނަފްސާނީގޮތުން އެހީތެރިވެދިނުމުގެ އިލްމާއި ތަޖުރިބާ ލިބިފައިވާ މީހުންނަށެވެ.
(ބ) "ދިރާސީ އަހަރު" ކަމަށް ބުނެފައިއެވަނީ، އެ އަހަރެއްގެ ދިރާސީ އަހަރުކަމަށް ސަރުކާރުން ކަނޑައަޅާ މުއްދަތަށެވެ.
(ޅ) "އެޕްލިކޭށަން" ކަމަށް ބުނެފައިއެވަނީ، ސްކޫލަށް ވަނުމަށް އެދި ހުށަހަޅާ ފޯމަށް ނުވަތަ ލިޔުމަށެވެ.
ކިޔުންތެރިންގެ ހިޔާލު