-

އިދާރީ ދާއިރާތަކުގެ ވެރިކަންކުރާ ރަށް ކަނޑައެޅުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2011-06)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ޖަދުވަލު 2 ގައި ކަނޑައަޅާފައިވާ އިދާރީ ދާއިރާތަކުގެ ތެރެއިން މާލެ ފިޔަވައި، އެހެން އިދާރީ ދާއިރާތަކުގެ ވެރިކަންކުރާ ރަށް ކަނޑައެޅުމާއި، އެ އިދާރީ ދާއިރާތަކުގެ ވެރިކަންކުރާ ރަށް ބަދަލުކުރުމުގެ އުސޫލުތައް ކަނޑައެޅުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ، "އިދާރީ ދާއިރާތަކުގެ ވެރިކަންކުރާ ރަށް ކަނޑައެޅުމުގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ – މަގްސަދު

މި ގާނޫނުގެ މަގްސަދަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ޖަދުވަލު 2 ގައި ކަނޑައަޅާފައިވާ އިދާރީ ދާއިރާތަކުގެ ތެރެއިން މާލެ ފިޔަވައި، އެހެން އިދާރީ ދާއިރާތަކުގެ ވެރިކަންކުރާ ރަށް ކަނޑައެޅުމުގައާއި، ވެރިކަންކުރާ ރަށް، އެއް ރަށުން އަނެއް ރަށަށް ބަދަލުކުރުމުގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއްގައިވާ ސިޔާސަތުތަކާއި، އުސޫލުތަކާއި، ހަމަތަކާއި، މިންގަނޑުތަކާއެއްގޮތްވާ ގޮތުގެމަތިން އަމަލުކުރުމަށް  މަގުފަހިކޮށް، ދީމިގްރާތީ އުސޫލުތަކާއެއްގޮތްވާ ގޮތުގެމަތިން، އެ އިދާރީ ދާއިރާއެއްގެ ރައްޔިތުން ނިންމާ ނިންމުމެއްގެމަތިން ކަނޑައެޅޭކަމަކަށް ހެދުމެވެ.

 

3 ވަނަ މާއްދާ - ވެރިކަންކުރާ ރަށް

(ހ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ޖަދުވަލު 2 ގައި ކަނޑައަޅާފައިވާ އިދާރީ ދާއިރާތަކުގެ ތެރެއިން މާލެ ފިޔަވައި، އެހެން ކޮންމެ އިދާރީ ދާއިރާއެއްގައިވެސް، ވެރިކަންކުރާ ރަށެއް ކަނޑައަޅާފައި އޮންނަންވާނެއެވެ.

(ށ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު، މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، އިދާރީ ދާއިރާތަކުގެ ވެރިކަންކުރާ ރަށް ކަމުގައި، މި ގާނޫނުން ކަނޑައަޅާފައިވާ ރަށްރަށުގެ ތަފްސީލު މި ގާނޫނުގެ ޖަދުވަލުގައި ބަޔާންކޮށްފައި އެވަނީއެވެ.

 

4 ވަނަ މާއްދާ - ވެރިކަންކުރާ ރަށް ކަނޑައެޅުމުގެ އުސޫލު

މި ގާނޫނުގައި ބަޔާންކޮށްފައިވާ އިދާރީ ދާއިރާއެއްގެ ވެރިކަންކުރާ ރަށް، އެހެން ރަށަކަށް ބަދަލުކުރުމުގައި ރިއާޔަތްކުރާނީ، އަންނަނިވި ކަންކަމުގެ ޖުމްލަ ނަތީޖާއަށެވެ.

(ހ) އިދާރީ ދާއިރާގައި ހިމެނޭ ރަށްރަށުގެ ރައްޔިތުން، ވެރިކަންކުރާ ރަށްކަމަށް ކަނޑައެޅުމަށް ހިޔާލުކުރެވޭ ރަށަށް ދަތުރުކުރުމަށްޓަކައި ހޭދަކުރަންޖެހޭ ވަގުތާއި ދުރުމިން.

(ށ) ވެރިކަންކުރާ ރަށްކަމަށް ކަނޑައެޅުމަށް ހިޔާލުކުރެވޭ ރަށުގެ ފަޅަކީ، ލަފާފުރުމަށާއި އޮޑިދޯނިފަހަރު ގެންގުޅުމަށް ފަސޭހަ ފަޅަކަށްވުން.

(ނ) ވެރިކަންކުރާ ރަށްކަމަށް ކަނޑައެޅުމަށް ހިޔާލުކުރެވޭ ރަށަކީ، އެ ރަށް ހިމެނޭ އިދާރީ ދާއިރާގެ ތަރައްގީގެ ނާރެސްކަމުގައި ހެދުމުގެ ފުރުސަތު އޮތް ރަށަކަށްވުން.

(ރ) ވެރިކަންކުރާ ރަށްކަމަށް ކަނޑައެޅުމަށް ހިޔާލުކުރެވޭ ރަށަކީ، ތަރައްގީގެ ވަސީލަތްތައް ގާއިމްކުރުމަށްޓަކައި ބޭނުންވާ ބިމާއި، އެހެނިހެން ހިދުމަތްތަކާއި، ފަސޭހަތައް، އުނދަގުލެއްނެތި އުފެއްދެންހުރި ނުވަތަ ލިބެންހުރި ރަށަކަށްވުން.

(ބ) ވެރިކަންކުރާ ރަށްކަމަށް ކަނޑައެޅުމަށް ހިޔާލުކުރެވޭ ރަށުގެ އާބާދީ އަކީ، އެ ރަށް ހިމެނޭ އިދާރީ ދާއިރާ، އިގްތިސާދީގޮތުންނާއި އިޖްތިމާއީގޮތުން ކުރިއަށް ގެންދިޔުމަށް މަގުފަހިކުރެވޭފަދަ ނިސްބަތެއްގެ އާބާދީއަކަށްވުން.

 

5 ވަނަ މާއްދާ - ވެރިކަންކުރާ ރަށް  ބަދަލުކުރުން

މި ގާނޫނުގެ ދަށުން އިދާރީ ދާއިރާއެއްގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅާފައިވާ ރަށެއް ބަދަލުކުރަންވާނީ، އަންނަނިވި އުސޫލުންނެވެ.

(ހ) މި ގާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ ޖުމްލަ ނަތީޖާއަށް ރިއާޔަތްކުރާއިރު، ވަކި ރަށެއް، އެ ރަށް ހިމެނޭ އިދާރީ ދާއިރާގެ ވެރިކަންކުރާ ރަށަށް ހެދުން މުހިންމުކަމުގައި އެ އިދާރީ ދާއިރާގެ އަތޮޅު ކައުންސިލަށް ފެނިއްޖެނަމަ، ކަމާގުޅޭ ތަފްސީލުތައް ހިމެނޭ ލިޔުމެއް އެ އަތޮޅު ކައުންސިލްގެ ފަރާތުން އެކުލަވާލައި، އެ އިދާރީ ދާއިރާގައި ހިމެނޭ އެންމެހައި ރަށްރަށުގެ ރައްޔިތުންނަށް ލިބޭނޭގޮތް ހެދުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔުން، އެ އިދާރީ ދާއިރާގައި ހިމެނޭ ރަށްރަށުގެ ރައްޔިތުންނަށް ލިބޭނެގޮތް ހެދުމަށްފަހު، އެ އިދާރީ ދާއިރާގެ އަތޮޅު ކައުންސިލްގެ ފަރާތުން، އެ އިދާރީ ދާއިރާގައި ހިމެނޭ ރަށު ކައުންސިލްތަކާއި، އަންހެނުން ކުރިއަރުވާ ކޮމިޓީތަކާއި، ތަރައްގީއަށް މަސައްކަތްކުރާ ފަރާތްތަކާއި، މަދަނީ ޖަމާއަތްތަކާ މަށްވަރާކުރުން.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މަށްވަރާތަކަށްފަހު، އަތޮޅު ކައުންސިލްގެ ޖުމްލަ މެންބަރުންގެ ތިންބައިކުޅަދެބައިގެ އަގުލަބިއްޔަތުން، އެ ރަށެއް، އެ އިދާރީ ދާއިރާގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައެޅުމަށް ފާސްކުރުން.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފާސްކުރުމަށްފަހު، އެކަމަށް އެ އިދާރީ ދާއިރާގެ ރައްޔިތުންގެ ތާއީދު އޮތްތޯ ބެލުމަށް، އިލެކްށަންސް ކޮމިށަން މެދުވެރިކޮށް، އެ އިދާރީ ދާއިރާއެއްގެ ރައްޔިތުންގެ އާންމު ސިއްރު ވޯޓެއް ނެގުން.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ސިއްރު ވޯޓުގައި، ވޯޓުދިން މީހުންގެ ސައްހަ ވޯޓުގެ 50 (ފަންސާސް) އިންސައްތައަށްވުރެ ގިނަ މީހުންގެ ވޯޓުން އެ ނިންމުމަށް ތާއީދުކުރުން.

 

6 ވަނަ މާއްދާ - ވެރިރަށް ބަދަލުކުރުން  މަނާވުން

(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު، އިދާރީ ދާއިރާއެއްގެ ވެރިކަންކުރާ ރަށް، މި ގާނޫނާއެއްގޮތްވާ ގޮތުގެމަތިން ބަދަލުކުރެވޭނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އަތޮޅު ކައުންސިލްތައް ފުރަތަމަ ފަހަރަށް އިންތިހާބުވުމަށްފަހުގައެވެ.

(ށ) މި ގާނޫނަށް އަމަލުކުރަން ފެށުމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އަތޮޅު ކައުންސިލްތައް ފުރަތަމަ ފަހަރަށް އިންތިހާބުވުމާދެމެދު ހިނގާ މުއްދަތުގައި، އެއްވެސް އިދާރީ ދާއިރާއެއްގެ ވެރިކަންކުރާ ރަށް، މި ގާނޫނުގެ ދަށުން ބަދަލެއް ނުކުރެވޭނެއެވެ.

 

7 ވަނަ މާއްދާ - ޖަދުވަލު އިސްލާހުކުރުން

(ހ) އިދާރީ ދާއިރާއެއްގެ ވެރިކަންކުރާ ރަށް، މި ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލާއެއްގޮތްވާ ގޮތުގެމަތިން، ބަދަލުކުރަން އެ އިދާރީ ދާއިރާއެއްގެ ރައްޔިތުން ކަނޑައަޅައިފިނަމަ، ދިވެހިސަރުކާރުގެ ގެޒެޓްގައި ށާއިއުކުރާ އިއުލާނަކުން، މި ގާނޫނުގެ ޖަދުވަލަށް ކަމާގުޅޭ ބަދަލު ގެންނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން، ދިވެހިސަރުކާރުގެ ގެޒެޓްގައި ށާއިއުކުރުމަށް ކަނޑައަޅާފައިވާ އިއުލާން ށާއިއުކުރުމުން، މި ގާނޫނުގެ ޖަދުވަލަށް އެ ބަދަލު ގެނެވުނީކަމުގައި ބެލެވޭނެއެވެ.

 

8 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން

މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ މިނިސްޓަރެވެ. މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް މި ގާނޫނު ތަސްދީގުކުރާތާ ގިނަވެގެން 2 (ދޭއް) މަސްދުވަހުގެ ތެރޭގައި ހަދައި، އާންމުކޮށް އިއުލާންކުރަންވާނެއެވެ.

 

9 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް ދިވެހިސަރުކާރުގެ ގެޒެޓްގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

10 ވަނަ މާއްދާ – މާނަކުރުން

މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދެވިފައިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކާގުޅިގެން، ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "އިދާރީ ދާއިރާ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ޖަދުވަލު 2 ގައި ބަޔާންވެގެންވާ އިދާރީ ދާއިރާތަކުގެ ތެރެއިން މާލެ ފިޔަވައި، އެހެން އިދާރީ ދާއިރާތަކަށެވެ.

(ށ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، މިނިސްޓަރ އޮފް ހޯމް އެފެއާރޒަށެވެ. ނުވަތަ އަތޮޅުތަކަށް ދިވެހިސަރުކާރުގެ ފަރާތުން މަސްއޫލިއްޔަތު އުފުލާ ވަޒީރަށެވެ. ނުވަތަ އެ ވުޒާރާގެ އިސްވެރިޔާއަށެވެ.

(ނ) "އަތޮޅު ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 230 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އަތޮޅު ކައުންސިލަށެވެ.

(ރ) "ރަށު ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 230 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރަށު ކައުންސިލަށެވެ.

(ބ) "އިންތިހާބު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ރ) ގެ ދަށުން ތައާރަފުކުރަންޖެހޭ ގާނޫނުގެ ދަށުން ބާއްވާ އަތޮޅު ކައުންސިލާއި ރަށު ކައުންސިލްގެ އިންތިހާބަށެވެ.

(ޅ) "އިލެކްށަންސް ކޮމިށަން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 167 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިލެކްށަންސް ކޮމިށަނަށެވެ.

 

---------------


ޖަދުވަލު

އިދާރީ ދާއިރާތަކާއި ވެރިކަންކުރާ ރަށްރަށް

މި ޖަދުވަލުގައި ކަނޑައެޅިފައި މިވާ ރަށްތަކަކީ، 7 އޯގަސްޓް 2008 ގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ ތަސްދީގުކުރެވުނުއިރު، އެ ގާނޫނުއަސާސީގެ ޖަދުވަލު 2 ގައި ބަޔާންކުރެވިފައިވާ އިދާރީ ދާއިރާތަކުގައި ވެރިކަންކުރަމުން އައި ރަށްތަކެވެ.

 

އިދާރީ ދާއިރާ

ރަސްމީ ނަން

ވެރިކަންކުރާ ރަށް

ހއ

ތިލަދުންމަތީ އުތުރުބުރި

ދިއްދޫ

ހދ

ތިލަދުންމަތީ ދެކުނުބުރި

ކުޅުދުއްފުށި

ށ

މިލަދުންމަޑުލު އުތުރުބުރި

ފުނަދޫ

ނ

މިލަދުންމަޑުލު ދެކުނުބުރި

މަނަދޫ

ރ

މާޅޮސްމަޑުލު އުތުރުބުރި

އުނގޫފާރު

ބ

މާޅޮސްމަޑުލު ދެކުނުބުރި

އޭދަފުށި

ޅ

ފާދިއްޕޮޅު

ނައިފަރު

ކ

މާލެއަތޮޅު

ތުލުސްދޫ

އއ

އަރިއަތޮޅު އުތުރުބުރި

ރަސްދޫ

އދ

އަރިއަތޮޅު ދެކުނުބުރި

މަހިބަދޫ

ވ

ފެލިދެއަތޮޅު

ފެލިދޫ

މ

މުލަކަތޮޅު

މުލި

ފ

ނިލަންދެއަތޮޅު އުތުރުބުރި

ނިލަންދޫ

ދ

ނިލަންދެއަތޮޅު ދެކުނުބުރި

ކުޑަހުވަދޫ

ތ

ކޮޅުމަޑުލު

ވޭމަންޑޫ

ލ

ހައްދުންމަތި

ފޮނަދޫ

ގއ

ހުވަދުއަތޮޅު އުތުރުބުރި

ވިލިނގިލި

ގދ

ހުވަދުއަތޮޅު ދެކުނުބުރި

ތިނަދޫ

ޏ

ފުވައްމުލައް

ފުވައްމުލައް

ސ

އައްޑުއަތޮޅު

ހިތަދޫ

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު