ގެވެށި އަނިޔާގެ އަމަލު
"ގެވެށި އަނިޔާގެ އަމަލު" ކަމަށް ބުނެފައިއެވަނީ، ގެވެށި ގުޅުމަކުން ގުޅިގެންވާ މީހުންގެ ތެރެއިން އެކަކު، އެ ގުޅުމުގައި ހިމެނޭ އަނެކާގެ މައްޗަށް، ނުވަތަ އަނެކުންގެ މައްޗަށް ކުރިކަމަކުން، ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާގެ ރައްކާތެރިކަމަށް ނުވަތަ ސިއްހަތަށް ނުވަތަ ދުޅަހެޔޮ ދިރިއުޅުމަށް ގެއްލުމެއް ލިބޭފަދަ ނުވަތަ އެފަދަ ގެއްލުމެއް ލިބިދާނެކަމުގެ ބިރު އިހްސާސްވާފަދަ، އަންނަނިވި އަމަލުތަކުގެ ތެރެއިން، އަމަލެއް ހިންގުމަށެވެ.
- ޖިސްމާނީ އަނިޔާކުރުން.
- ޖިންސީގޮތުން އަނިޔާކުރުން.
- ބަހުގެ ހަމަލާދިނުމާއި ނަފްސާނީގޮތުން އަނިޔާކުރުން.
- މާލީގޮތުން ނުވަތަ އިގްތިސާދީގޮތުން ދަތިކުރުން.
- މެޑިކަލް ޑޮކްޓަރެއްގެ ލަފާ ލިބިފައިވަނީ، އަނބިމީހާ ވަކި މުއްދަތެއްގެ ކުރިން މާބަނޑުނުކުރުމަށްކަމުގައިވީނަމަވެސް، އަނބިމީހާގެ ސިއްހަތަށް ބެލުމެއްނެތި މާބަނޑުކުރުން.
- އަނިޔާވެރި ކައިވެންޏަކުން ދުރުވާން މަސައްކަތްކުރާ އަންހެނާގެ ރުހުމާ ދެކޮޅަށް އޭނާ މާބަނޑުކުރުން.
- މީހެއްގެ މުދާ އެ މުދަލުގެ ވެރިފަރާތަށް ބޭނުން ނުކުރެވޭނެފަދަ ގޮތަކަށް ގަސްދުގައި ހިފެހެއްޓުން.
- ބިރުދެއްކުން.
- ގޯނާކުރުން.
- ފާރަލުން.
- މުދަލަށް ގެއްލުންދިނުން.
- އެއްގޭގައި ދިރިއުޅޭ ދެމީހުންކަމުގައިނުވާ ހާލަތްތަކުގައި، ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާ ދިރިއުޅޭ ގެއަކަށް، ކަނޑައެޅިގެން ސާފުބަހުން އޭނާގެ ހުއްދަ ލިބިގެން މެނުވީ، ވަނުން ނުވަތަ ވަދެހުރުން.
- މިނޫންވެސް ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާގެ މައްޗަށް ބާރު ފޯރުވުމަށް ނުވަތަ އެނޫންވެސް އަނިޔާވެރި އަމަލެއްކަމަށް ބެލެވިދާނެ އެއްވެސްކަމެއް ކުރުން.
- މީހެއްގެ އަމިއްލަ އިހްތިޔާރު އޮތްނަމަ، އޭނާ ކުރަން ބޭނުންނުވާނެ ކަމެއް، ނުވަތަ އަމިއްލަ އިހްތިޔާރުގައި އޭނާ އަމިއްލައަށް ނުކުރާނެ ކަމެއް އޭނާ ލައްވާ ގަދަކަމުން ކުރުވުން، ނުވަތަ ބިރުދައްކައިގެން ކުރުވުން، ނުވަތަ ބާރުގެ ބޭނުންކޮށްގެން ކުރުވުން.
- މީހެއްގެ ނުރުހުމުގައި އޭނާ ތަނެއްގައި ބަންދުކުރުން، ނުވަތަ އޭނާގެ އަމިއްލަ އިހްތިޔާރުގައި އެއްތަނުން އަނެއްތަނަށް އައިސްގޮސް ނުހެދޭނެގޮތް ހެދުން، ނުވަތަ އޭނާގެ އަމިއްލަ އިހްތިޔާރުގައި ދަތުރުފަތުރުކޮށް، ހިނގާބިނގާވެނޫޅެވޭގޮތް ހެދުން.
- އިސްވެދިޔަ އެއްވެސް ބާވަތެއްގެ ކަމެއް ކުރަން އުޅުން ނުވަތަ ހިންގަން އުޅުން ނުވަތަ އެފަދަ އަމަލެއް ހިންގަފާނެކަމުގެ ބިރު މީހެއްގެ ހިތުގައި އުފެއްދުން.
- ގެވެށި އަނިޔާގެ އަމަލެއް ހިނގަމުންދާ މަންޒަރު ކަނޑައެޅިގެން ގަސްދުގައި ކުޑަކުއްޖަކަށް ދެއްކުން ނުވަތަ އަޑުއިއްވުން، ނުވަތަ އެފަދަ އަމަލެއް ފެންނާނެ ނުވަތަ އަޑުއިވޭނެ ހާލަތަކަށް ކުޑަކުއްޖަކު ގެންދިޔުން ނުވަތަ ހުށަހެޅުން.