-

ދިރިއުޅޭނެ ގެއަކާއި ގުޅިގެން ކުރާ ކޯޓު އަމުރު (ގެވެށި އަނިޔާއާޢި ގުޅޭ)

"ދިރިއުޅޭނެ ގެއަކާއި ގުޅިގެން ކުރާ ކޯޓު އަމުރު" ކަމަށް ބުނެފައިއެވަނީ، ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު (ގާނޫނު ނަންބަރު 2012-03) ގެ 31 ވަނަ މާއްދާގެ (ހ)  ގެ ދަށުން ކޯޓުން ނެރޭ އަންނަނިވި އަމުރުތަކުގެ ތެރެއިން އަމުރަށެވެ.

  1. ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާ އޭނާ ދިރިއުޅެމުންއައި ގެ، އެފަދަ ގެއަކީ އޭނާއަށް ގާނޫނީގޮތުން ނުވަތަ އެނޫންވެސް ގޮތަކުން އެއްވެސް މިލްކުވެރިކަމެއްއޮތް ގެއެއްކަމުގައި ނުވިނަމަވެސް، އެގެއަކުން އޭނާ ނެރެލުން، ނުވަތަ އޭނާއަށް އުދަގޫވާ ޒާތުގެ ކަންތައްތަކާއި، އޭނާ އެގޭގައި ދިރިއުޅުމަށް ދަތިވާފަދަ ކަންކަންކުރުން ގެވެށި އަނިޔާގެ އަމަލު ހިންގި މީހާގެ މައްޗަށް މަނާކޮށް ކޯޓުން ކުރާ އަމުރު؛
  2. އެކުގައި ދިރިއުޅެމުން އައި ގެއަކުން ގެވެށި އަނިޔާގެ އަމަލު ހިންގި މީހާ ނުކުތުމަށް އަންގައި ކޯޓުން ކުރާ އަމުރު؛
  3. ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާ ދިރިއުޅޭ ބަޔަށް ގެވެށި އަނިޔާގެ އަމަލު ހިންގި މީހާ ނުވަތަ އެމީހާގެ ތިމާގެ މީހުން ވަނުން މަނާކޮށް ކޯޓުން ކުރާ އަމުރު؛
  4. ގެވެށި އަނިޔާގެ އަމަލު ހިންގި މީހާ، އެކުގައި ދިރިއުޅޭ ގެއެއްގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލުކުރުން ނުވަތަ އެގެއެއް ވިއްކާލުން ނުވަތަ މިލްކުވެރިކަމަށް އުނިކަމެއް އަތުވެދާނެ އެންމެހައި ކަންކަން މަނާކޮށް ކޯޓުން ކުރާ އަމުރު؛
  5. ގެވެށި އަނިޔާގެ އަމަލު ހިންގި މީހާ، އެކުގައި ދިރިއުޅޭ ގެއަކުން  އޭނާއަށް ލިބެންއޮތް ބައެއް ކޯޓުގެ ހުއްދައާ ނުލާ ދޫކޮށްލުން ހުއްޓުވުމަށް ކޯޓުން ކުރާ އަމުރު.